LOABIVAATHEE UFAA DHEYNAMEY [EP-05]

“އެމީހުން ކިހިނެއް ހެދީ، އަހަރެން އެބަ ދަން… މިވަގުތު ފޯނުން ތި ވާހަކަ ދެއްކޭ ކަހަލަ ތަނެއްގައެއްނޫން މިހިރީ”

“އެންމެ ރަނގަޅު، އަވަހަށް އަންނާތި” ފޯނު ކޯލު ކަނޑާލުމާއެކު ރޭޝްމާ ތިރީތުންފަތުގައި ދަތްއަޅާލިއެވެ.

ނާޒިލު ގެއަށް އައުމުން އޭނާ ގޮވައިގެން ރޭޝްމާ އައީ އޭނާގެ ކޮޓަރިއަށެވެ. ރަނގަޅަށް ދޮރުލެއްޕުމާއެކު ނާޒިލަށް އިށީނުމަށް އެނދު ދައްކާލިއެވެ.

“އެމީހުން ކަމެއް ކުރީތަ؟ އަހަރެން ވެސް ރައްޓެހީ ޙަސަނުއާ، އެ ދެ ޒުވާނުންގެ ތެރެއިން އެކަކަކީ ޙަސަނު ވަރަށް އިތުބާރުކުރާ ރައްޓެއްސެއް، ޙަސަނު އަހަރެން ގާތު ރޭޝްގެ ޚިދުމަތަކަށް ޚާއްޞަކޮށް އެދުނީ ރޭޝްގެ ރޭޓު އެނގި ހުރެ، އެހާ ބައިވަރު ފައިސާ ޚަރަދުކުރަން ޙަސަނުގެ ރަޙުމަތްތެރިޔާ ތައްޔާރަށް ހުރީމަ އަހަރެން ވެސް އެކަމަށް ރޭޝްއަށް ބާރުއެޅީ، އަނެއްކާ އެ ފަހުދަށްވުރެ މާ ޒުވާން ބައެއްނު އެމީހުންނަކީ، ރޭޝް ވެސް ހިތްހަމަޖެހޭނެކަމަށް ފޮނުވީ، އެމީހުން ވެސް ބޭނުންވަނީ މިކަން ވަރަށް ސިއްރުން ކުރަން، އެއްގޮތަކަށް ވެސް ފަޅާއަރާކަށް ބޭނުމެއްނުވޭ”

“އެހެންވިޔަސް ހެޔޮ، އެމީހުން އަލުން މިގެއަށް އަންނާކަށް ބޭނުމެއްނޫން، ނާޒިލު… އިތުރު އެއްވެސް ކްލައިންޓެއް ބޭނުމެއްނޫން…”

“އަދިވެސް ވީގޮތެއް ނުބުނަމެއްނު، ކީއްވެތަ ރޭޝް ކުއްލިއަކަށް ތިހާ ހާސްވެގެން ތިއުޅެނީ، ކޮންބައެއްތަ ޙަސަނު ފޮނުވީ”

“ދެ ޒުވާނުން އައީ، ބަލާލާފައި އެނގޭ އުމުރުން ވަރަށް ޅަވާނެކަން، އަހަރެން މިހާރު ނަން ހަނދާނެއްނެތް، އެކަމަކު އެތަނުން އެކަކު އައިސް އިނީ އޭނާގެ ރަޙުމަތްތެރިޔާ ބުނެގެންކަން އެނގޭ، އޭނާ އަހަންނަކަށް ޝައުގުވެރިއެއްނުވޭ، އެކަމަކު އެމީހުން އައީ ޕާޓީ ކުރަން ވެގެން ޕީޒާ ހިފައިގެން، ރަނގަޅަށް ނާޒިލުބުނީ، އެނގޭ ފައިސާ އޮތް ބައެއްކަން އެއީ، އެތަކެއް ހާސް ރުފިޔާއެއް އަހަންނަށް އެއްވެސް ޖެހުލެއްމެނެތި ދީފައި އެ މީހުން ދިޔައީ، ދެ ޒުވާނުންނަށް ވާވަރަށް އަހަންނަށް ފައިސާ ދިން، އެކަމަކު ހުރިހާ ވެސް މައްސަލައަކީ އެމީހުންނެއްނޫން…. ރީން ފުރަތަމަ ފަހަރަށް އަހަންނާ ސުވާލުއެކުރީ… ދެން ފަހަރަކުން އޭނާއަށް ހުރިހާ މަންޒަރެއް ފެންނާނީ ނޫންކަމެއް ވެސް ނޭނގެ، އަހަރެން ބޭނުމެއްނޫން… ނާޒިލު… އަހަރެން ބޭނުމެއްނޫން އެހެންވާކަށް، އަހަރެން މުޅި ދުނިޔެއަށް ފަޟީޙަތްވިޔަސް ހެޔޮ، އެކަމަކު ރީންއަކަށް ނޫން… ރޭގައި މިގޭގައި ބަޔަކު އުޅުނުކަން ރީންއަށް އެނގޭއިރު އެއީ ކޮންބައެއްކަން އެނގެން ރީން ބޭނުންވަނީ ކީއްވެކަމެއް ނޭނގޭ، އެކުއްޖާގެ ސިކުނޑީގައި ނުބައި ޚިޔާލެއް އުފެދުނީ ނޫންކަމެއް ވެސް ނޭނގޭ… މިއަދު އެއްކޮށްހެން ކޮޓަރީގައި އުޅެނީ…”

“ރޭޝް، ހަމަޖެހިބަލަ… އާދެބަލަ މިތާ އިށީންނަން، އިށީނދެ ނިކަން ނޭވާލާބަލަ” ނާޒިލު އޭނާގެ ކައިރީ އެނދުމަތީ އަތްޖަހާލަމުން ބުނެލިއެވެ. އެހިނދު ރޭޝްމާ ހަލުވިކޮށް އައިސް އެނދުގައި އިށީނދެއްޖެއެވެ.

“މިރޭ އެބައޮތް އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން ލިބިފައި އޮތް ދަޢުވަތެއް، ވަރަށް ފަހުން އަރިއަތޮޅުން ރިސޯޓެއް ގަތެއްނު އަފީފެއް، އޭނާ ބާއްވާ ޕާޓީއެއް، އަހަރެން ގަސްދުކޮށްގެން ހުރީ އެތަނަށް ރީން ގޮވައިގެން ދާންކަމަށް، ތަންތަނުގެ ބޮޑެތި ވެރިންނާ އެ ތަނުން ދިމާވާނެ، ރީންއަށް ވަޒީފާއެއް ވެސް އޮތީ ހޯދަންވެފައެއްނު… އޭނާ ގޭގައި އަބަދު ހުންނާތީހެން އަހަންނަށް ހީވަނީ އެކަހަލަ ސުވާލު އެ ކުރަނީ، ވަޒީފާއަކަށް ދާންފެށީމާ އަލުން ރައްޓެހިން ލިބި އަމިއްލަ ކަންތައްތަކައިގެން އުޅެން ފަށާނެ… އޭރުން ރޭޝް ހާސްވާކަށް ނުޖެހޭނެ”

“އެހެންވިޔަސް އަހަރެން ވަރަށް ކަންބޮޑުވޭ، އަހަރެން ވިސްނައިފިން މިކަން ހުއްޓާލާފައި އަމިއްލަ ވިޔަފާރިއެއް ފަށަން، ނާޒިލު، ރީންއަށް މިހާރު ކަންތައްތައް އޮޅުވައެއްނުލެވޭނެ. އެއީ މިހާރު އަހަރުމެން ދެމީހުން ގެނައި ތުއްތުތުއްތު ކުއްޖާއެއްނޫނޭ، ރީން ބޮޑުވެއްޖެ، ފުރިހަމަ ޒުވާނަކަށްވެއްޖެ…. އޭނާ އުޅެން އޮތީ ވެސް މި ގެ… އަހަރެން އުޅޭގޮތް އޭނާއަށް ސިއްރެއްނުވާނެ… އެހެންވެ ބޭނުންވަނީ މިކަން އެއްކޮށް ހުއްޓާލަން، ދެން ހެޔޮ… އަހަރެން އެހެންކަމެއްގައި މަޝްޢޫލުވީމާ މިހާރު މިއުޅޭހެން އުޅޭކަށް ވަގުތެއް ނުވާނެއެއްނު”

“ރޭޝް ބޭނުންވާގޮތެއް”

“ނާޒިލު ތި ދެއްކި ވާހަކަ ވެސް އަހަރެން ޤަބޫލުކުރަން، ރީން އަބަދު ގޭގައި ބެހެއްޓުމުގެ ބަދަލުގައި މިހާރު އޭނާއަށް ވަޒީފާއެއް ހޯދައިދޭން އަހަރެން ވެސް ބޭނުން، އެކަމަކު އަހަންނަށް ޔަޤީންކަންދީ އެ ފިރިހެނުންތަކުގެ ތެރެއިން ރީންއަށް ނާޒިލު ރައްކާތެރިކަން ދޭނަންކަން، ފިރިހެނުންގެ ގޮތް އެނގޭތީ އަހަރެން މިހެން ބުނަން މިޖެހެނީ”

“އިތުބާރުކުރޭ، މި މާލޭގައި ފައިސާ އޮތް މީހަކުވެއްޖެއްޔާ މަށަށް ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށްނުވާނެ، ރީންއަށް ދުވަހަކު ވެސް ދެރަގޮތެއްވާކަށް އަހަރެން ނޭދެން، އަދި ވިޔަކަ ނުވެސް ދޭނަން… އެކަމް އެމީހުންގެ ދުނިޔެއަށް އެކުއްޖާ ލޯހުޅުވެން ވެސް އެބަޖެހޭ، މިގޭ ހަތަރު ފާރުތެރޭ ގެންގުޅެގެން ދުނިޔެ ދަހެއްނުވާނެ، އެހެންވީމަ މިރޭ ރީން އަހަންނާއެކު ފޮނުވާނަން ދޯ”

“އާނ! މައްސަލައެއްނެތް، ރީން ދާންހުރިއްޔާ އޭނާ ގެންދިއުން ރަނގަޅުވާނީ، އެކަމަކު މިހާ ކުއްލި ގޮތަކަށް ބުނީމާ ނޭނގެ ދޭނެ ޖަވާބެއް ވެސް”

ނާޒިލު ހީނލާފައި ތެދުވެގެން ޒޫރިންގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އޭނާއާއެކު ރޭޝްމާ ވެސް އައެވެ. ޒޫރިންގެ ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުގެ ހުރަހަށް ބޭރަށް ކަނދުރާ އެލުވާލައިގެން ފާރަށް ދެފައި ނަގައިގެން ޒޫރިން އޮތެވެ. ނާޒިލު އާއި ރޭޝްމާ ފެނުމާއެކު ފުންމައިގެން ތެދުވެ އިށީނެވެ.

“ޔޯގާއެއްތަ؟” ހީނލާފައި ނާޒިލު އަހާލިއެވެ.

“ރީން، ނާޒިލުބެ އެއައީ ދަރިފުޅު ކައިރިން ކަމަކު ކިޔަން”

“ކޮންކަމެއް؟” ހައިރާންވެފައި ޒޫރިން އަހާލިއެވެ.

“ޕާޓީއަކަށް ދާންވީ، ވަރަށް ގިނަ ބޮޑެތި މީހުން އަންނަ ޕާޓީއަކަށް” ނާޒިލު ބުނެލިއެވެ.

“ކޮންއިރަކު؟”

“މިރޭ…” ނާޒިލު މިހެން ބުނުމާއެކު ޒޫރިން އެނދުން ފުންމާލިއެވެ. އަދި ކަންބޮޑުވެފައި ނާޒިލަށް ބާލާލިއެވެ.

“ކިހިނެއް؟ މިހިރީ ރީން ހުރިގޮތް.. ދޯ މަންމާ… ކިހިނެއް މިރޭ ދާނީ، ރީތި ހެދުމެއް ވެސް ނެތްކަންނޭނގެ، އަދި މޭކަޕްކުރަން ވެސް ޖެހޭނެ، ކިހިނެއް މިރޭ އެޕޮއިންމެންޓެއް ލިބޭނީ… އޯ ގޯޑް… ނާޒިލްބެއަށް ނޭނގުނުތަ މިހާ ލަހުން ނޫނީ ބުނަން، އަޅުގަނޑަށް އެހާ އަވަހަށް ތައްޔާރެއް ނުވެވޭނެ” ޒޫރިންގެ ވާހަކަތައް އަޑުއިވިފައި ނާޒިލު ފެށީ ހޭށެވެ.

“ރީން ބުނަންވީ ދާނަމޭ، އެހެން ހުރިހާކަމެއް ނާޒިލުބެއަށް ދޫކޮށްލާ”

“ސީރިއަސްލީ… ޔެސް! ޔެސް! ހިނގައިދާނަން… މިހެން އޮވެއޮވެ އަޅުގަނޑު މޮޔަވެދާނެ” އީތަންގެ ޚިޔާލުގައި ކެތްތެރިކަން ކޮޅުންލަމުން ދިޔަ ޒޫރިންނަށް ބުނެލެވުނެވެ.

“މިގުޅަނީ ނާޒިލްބެގެ ފްރެންޑަކަށް، އޭނާ ރީންކޮއްކޮގެ މޭކަޕް ކޮށްދޭނެ، އެންޑް އައި ހޭވް ސަމްތިންގ ސްޕެޝަލް، އަންނާނަން ގެއަށް ގޮސް ހިފައިގެން” ނާޒިލު ބުނެލިއެވެ.

އަށެއްޖަހަންވީއިރު ޒޫރިން ތައްޔާރުވެ ނިމިއްޖެއެވެ. ނާޒިލުގެ ރަޙުމަތްތެރިއެއްކަމަށްވާ ފައިހަމްގެ މޭކަޕްކުރުމުގެ ކުޅަދާނަކަން ޒޫރިންނަށް ބަލާލާ ކޮންމެ މީހަކަށް ފާހަގަނުކުރެވިއެއް ނުދާނެއެވެ. އުޅުމުގައި އަންހެންގޮތެއް ހުންނަ ފައިހަމް އޭނާގެ ސާމާނުތައް ހިފައިގެން ގެއަށް ދިއުމަށް ނުކުތެވެ. އޭރު ނާޒިލު ހުރީ ސިޓިން ރޫމު ދޮރުމަތީ ޒޫރިންގެ އިންތިޒާރުގައެވެ.

“ވާ! ޔަޤީން މިރޭގެ ޝޯސްޓޮޕަރއަކީ އަހަރުމެންގެ ރީންކަން، ޔޫ އަރ ލުކިންގ ސޯ ބިއުޓިފުލް” ސިޑިން ފައިބައިގެން އައި ޒޫރިން ފެނި ނާޒިލު ބުނެލިއެވެ.

“ނާޒިލު، މަގޭ ދަރިފުޅަށް ބަލައްޗޭ”

“ކަމޯން މަންމާ، ޕާޓީއަކަށޭ މިދަނީ، އެތަނުގައި ކީއްތަވާނީ، މަޖާކޮށްލާފައި އެނބުރި އަންނާނީ ހަމަ މަންމަގެ ގާތަށް، ސޯ ޑޯންޓް ވޮރީ” ރީން ހިނިތުންވެލާފައި ރޭޝްމާގެ އަތުގައި ހިފާލިއެވެ.

ނާޒިލުގެ ކާރުގައި ޒޫރިން މަޑުކޮށްލައިގެން އިންދާ ކާރު ޕާކުކޮށްލާފައި ނާޒިލު އައިސް ދޮރު ހުޅުވާލާފައި ޒޫރިންނަށް އެހީތެރިވިއެވެ. ކުރިއަށް ހިނގައިގަތުމުގެ ކުރިން ލާފައި ހުރި ދިގު ހެދުން ރަނގަޅު ކޮށްލަމުން ނާޒިލުގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އެއާއެކު ނާޒިލު ހިނގައިގަތީ ކުރިމަތިން ފެންނަން ހުރި އިމާރާތާ ދިމާއަށެވެ. އޭރު ވެސް ދެ ޖިންސުގެ މީހުން ނަލަހެދިގެން އައިސް އެތަނަށް ވަންނަތަން ފެނެއެވެ. ގިނައީ އެތަނަށް މަޑުކޮށްލާ ޕްރައިވެޓް ކާރުތަކުން ފައިބާ މީހުންނެވެ. މައްޗަށް ބަލާލާފައި ޒޫރިން ފުންނޭވާއެއްލިއެވެ. ފަސްބުރިއަށްވުރެ މައްޗަށް ނަގާފައި ހުރި އެ އިމާރާތް ބޭރުން ވެސް އެހާމެ ފުރިހަމައެވެ. މިއީ ޒޫރިން ދުވަހަކު ވެސް އައި ކަހަލަ ޕާޓީއެއްނޫނެވެ. ޒުވާނުންނަށްވުރެ އުމުރުން ދުވަސްވީ މީހުން ފެންނަލެއް ގިނައެވެ.

“އެކްސްކިއުޒްމީ…” ލިފްޓު ލެއްޕެމުންދިޔަ ވަގުތު އަންހެންކުއްޖަކު ބުނެލިއެވެ. އެހިނދު ނާޒިލު ލިފްޓު ލެއްޕުނަ ނުދީ ހިފަހައްޓާލިއެވެ.

ބުޅިބުޅިއިސްތަށިގަނޑު އެއްފަރާތަކަށްވާގޮތަށް ހަރުކޮށްލާފައި ހުރިއިރު އޭނާ ލައިގެން ހުރި ފެހިކުލައިގެ ދިގު ހެދުމާ ނުހަނު ގުޅެއެވެ. ރަންކުލައިގެ ތަފާތު އެއްޗެހިން ހެދުމުގެ މޭމަތި ފަރުމާކުރެވިފައި ވެއެވެ. އެ އަންހެންކުއްޖާ ލިފްޓުގައި ހުރި ޒޫރިންނަށް ހިނިތުންވެލިއެވެ.

“ޖޭޒް…” ލިފްޓުން ނުކުން ވަގުތު ކުރިމަތީ ހުރި ރީތި ޒުވާނާ އެ އަންހެންކުއްޖާއަށް ގޮވާލިއެވެ. އޭނާގެ ފަހަތުން ނާޒިލު އާއި ޒޫރިން ލިފްޓުން ނުކުތެވެ.

“ވާއު! ހީޒް ހެންޑްސަމް…” ލިފްޓުން ނުކުމެ ހިނގައިގަންނަމުން ނާޒިލު މިހެން ބުނެލީ އޭނާއާއެކު ލިފްޓުގައި ހުރި އަންހެންކުއްޖާގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތް ޒުވާނާއަށް ބަލަން ހުރެއެވެ. އެކަން ޒޫރިންނަށް ވީ މަޖާކަމަކަށެވެ. އާންމުކޮށް ފިރިހެނުންގެ ރީތި ސިފަތަކުގެ ވާހަކަދައްކާ އުޅެނީ އަންހެނުންނެވެ. ނާޒިލުގެ ފަރާތުން އެފަދަ ތަޢުރީފުގެ ބަހެއް ފިރިހެނަކަށްކޮށްލުން އެއީ ޒޫރިން ދުށީ ނާޒިލުކޮށްލި ސަމާސާއެއް ކަމުގައެވެ.

“ކަމް މައި ބިއުޓިފުލް ޕްރިންސެސް” ޒޫރިންގެ އަތުގައި ހިފާލަމުން ނާޒިލު މިހެން ބުނެ އޭނާގެ ގާތަށް ޒޫރިން ގެނައެވެ.

“މާލޭގައި ވެސް މިކަހަލަ ބޮޑެތި ޕާޓީ ބާއްވާކަމެއް ކުރިއަކުން ނޭނގޭ، މި ކަހަލަ ޕާޓީތަކަށް ނާޒިލުބެ އަންނަން ދޯ ވަރަށް ގިނައިން” ނާޒިލުގެ ކައިރިއަށް ޖެހިލައިގެން އޭނާގެ އަތުގައި ހިފާލައިގެން ހުރެ ވަށައިގެން ފެންނަ މަންޒަރުތަކަށް ނަޒަރު ހިންގަމުން ޒޫރިން ވާހަކަދެއްކިއެވެ.

“ފައިސާވެރިންގެ ތެރޭގައި މިހާރު މީ އާންމުކަމެއް، މިރޭ ފެންނާނެ ވަރަށް ފާޑުފާޑުގެ މީހުން، ތަފާތު އަޑުތައް ވެސް އިވޭނެ، އެހެން އިވޭ އަޑުތަކަށް އަޅާލާނެކަމެއްނެތް، ޖަސްޓް އެންޖޮއި… އެކަމަކު ވާނެ ނާޒިލުބެއާއެކު ބައެއް މީހުންނާ ބައްދަލުކޮށްލަން ދާން، ދިސް ޕްލޭސް އިޒް ފުލް އޮފް ގޯލްޑަން އޮޕޯޗުނިޓީސް” ނާޒިލު ވާހަކަދެއްކީ ޒޫރިންގެ ކަންފަތް ކައިރިއަށް ބޯއަރިކޮށްލައިގެން ހުރެ ސިއްރުންނެވެ. އޭރު ވެސް އޭނާގެ ނަޒަރު އެކި ކޮޅުކޮޅަށް ހިންގަމުންދިޔައީ އެ ތަނުން ފެންނަ މީހުން ދެނެގަތުމަށްޓަކައެވެ.

ނާޒިލު އާއި ޒޫރިން އައި ފަހުން ވެސް އެތައް ބަޔަކު އެ ޕާޓީއަށް އަންނަމުން ދިޔައެވެ. އެކި ދިމާލުގައި އަތުރާފައި ހުރި މޭޒުތަކުގައި މީހުންތައް އިށީންނަމުން ދިޔައީ ރައްޓެހިންގެ ބައިގަނޑު ގަނޑު ހަދައިގެންނެވެ. ތަނުގައި ހިތްގައިމު މަޑު މިއުޒިކެއް ކުޅެމުން ދިޔައެއް ކަމަކު ތަނުގައި ތިބި މީހުންގެ އަޑާއެކު މިއުޒިކުގެ އަޑު އިވެނީ ކަނުލާ އަޑުހައިފިނަމައެވެ. ނާޒިލުގެ އަތުގައި ހިފާލައިގެން ޒޫރިން ހުރިއިރު ބައެއް މީހުންގެ ނަޒަރުތައް އަމާޒުވަމުން ދިޔައެވެ. ނާޒިލު އެކި މީހުންގެ ގާތަށް ގޮސް މަޑުކޮށްލަމުން ތަފާތު ވާހަކަދައްކައެވެ. އަދި ދޭތެރެއަކުން ޒޫރިން ތައަރާފްކޮށްދެއެވެ. އެކަމުގެ ތެރެއިން ޒޫރިންނަށް އިތުރު ކަމެއް ވެސް ފާހަގަކުރެވުނެވެ. ބައެއް މީހުން ނާޒިލަށް ބަލާލާ ބަލާލުމުގައި ތަފާތުގޮތެއް ހުންނަކަމެވެ. ބައެއް ފިރިހެނުންނާއި އަންހެނުން ވެސް މެއެވެ. އަދި ބައެއް އަންހެނުން ނާޒިލުއާ ގާތްވެލާ ކަންފަތްދޮށުގައި ސިއްރު ވާހަކަ ދައްކާ ހަދައެވެ. ޕާޓީގެ ތެރެއިން ފެންނަނީ އުމުރުގެ ގޮތުން ދޮށީ ބައެއްކަމުގައި ވިޔަސް އެމީހުންގެ އުޅުމުގައި އެ ފަދަ އެއްވެސް ގޮތެއް ނެތެވެ. ދެ ޖިންސު މަސްހުނިވުމަށް ވަކި އުމުރެއް ނޯންނަކަން ވަށައިގެން ނަޒަރު ހިންގާލުމުން އެނގޭނެއެވެ.

“އިޒް ހީ ހިއަރ…” ކެތްތެރިކަން ކުޑަވެފައި ހުރި ގޮތަކަށް ޖަޒްލާ އަހާލިއެވެ.

“އަދި ނުދެކެން” ކައިލަން ޖަވާބުދިނެވެ.

“އަންނާނެތަ؟”

“އާނ! މި ކަހަލަ ފުރުޞަތެއް ޤަބޫލުނުކުރާނެ ވެރިއަކު ނުހުންނާނެ، ހުރިހާ ތަންތަނެއްގެ ބޮޑެތި މީހުން މިތަނުން މި ފެންނަނީ، އެއިން ކޮންމެ މީހަކު މިތަނަށް އައިސް އެ ތިބީ އެމީހުންގެ އަމިއްލަ އެދުމެއް ވެސް އޮތީމާ، ޖޭޒް! ބީ ޕޭޝަންޓް”

ޖަޒްލާ ގޮވައިގެން އެއްފަރާތަށް ޖެހިލައިގެން ހުރެ ކައިލަން ވާހަކަދެއްކިއެވެ. އެހެންނަމަވެސް ޖަޒްލާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރެއް ނުފެނެއެވެ.

ޕާޓީ ތެރޭގައި ކޮޅަށް ތިބި ހުރިހާ އެންމެން ހެން އިށީންނާނެ މޭޒެއް ހޯދާ އެ މޭޒުތަކުގެ ދޮށުގައި އިށީނުމާއެކު ތޮށްޖެހިފައި އޮތް ހޯލްތެރޭގެ ތަނަވަސްކަން ފެންނަންފެށިއެވެ. ކައިލަން ވެސް އޭނާގެ ބައްޕައަށް ޚާއްޞަ ކުރެވިފައިވާ މޭޒުގެ ދޮށުގައި ޖަޒްލާ ގޮވައިގެން އައިސް އިށީނެވެ. ހަމަ އެވަގުތު ޓެބްލެޓެއް ހިފައިގެން ހުރި ޒުވާނަކު އައިސް ކައިލަންގެ ބައްޕަގެ ކަންފަތް ދޮށުގައި ވާހަކައެއް ބުނުމުން ބޯޖަހާލާފައި ތެދުވިއެވެ. އެ މޭޒު ހުރީ އެހެން މޭޒުތަކުގެތެރެއިން ވަކިވާނޭ ގޮތަށެވެ. ޖަޒްލާ ފަހަތަށް އެނބުރި ބަލަންފެށީ ޕާޓީއަށް ވަންނަ މީހުން ބެލުމަށެވެ.

“ބައްޕަ އެއުޅެނީ ވާހަކަދައްކަންވެގެން” މޭޒުމަތީ ބާއްވާލައިގެން އިން ޖަޒްލާގެ އަތްތިލާގައި ކައިލަން އަތްޖައްސާލަމުން ބުނެލިއެވެ. އެއާއެކު ޖަޒްލާ ކުރިއަށް ބަލަހައްޓައިގެން އިނދެ ގޮނޑީގައި ހަމެޖެހިލިއެވެ. ދެން ފެނުނީ މިއުޒިކު ކުޅެން އަރާ ތިބި ފަންނާނުންތައް އެއްފަރާތަށް ޖެހިލިތަނެވެ.

“އެއީތަ މި ޕާޓީ ދިން މީހަކީ” ނާޒިލުއާ ގާތްވެލާފައި ސިއްރުން ޒޫރިން އަހާލިއެވެ.

“އާނ! އެއީ އަފީފް… ނުފޫޒުގަދަ މީހެއް” ނާޒިލުގެ ލޯ ހިމަކޮށްލައިގެން އިނދެ މައިކު ދޮށުގައި ވާހަކަދައްކަން ހުއްޓިލައިގެންހުރި މީހާ ޒޫރިންނަށް ބުނެދިނެވެ.

އަފީފު އޭނާގެ ކާމިޔާބީތަކުގެ ވާހަކަދައްކަމުން ގޮސް އޭނާގެ ކުންފުނީގެ ކަންކަން އޭނާގެ ދަރިފުޅު ކުރިއަށް ގެންދާނެކަމުގައި ބުންޏެވެ. އަދި އޭނާ ކޮށްލި އިޝާރާތާއެކު ކައިލަން އައިސް އަފީފުގެ ގާތުގައި ހުއްޓުނެވެ. ދޭތެރެއަކުން އެންމެން އަފީފުގެ ވާހަކަތަކަށް ތާޢީދުކުރަމުން އަތްތިލަބަޑި ޖަހާލައެވެ. އަފީފުގެ ވާހަކަތައް މާ ދިގެއް ނުވިއެވެ. އެތަނަށް އައިސް ތިބި އެންމެންނަކީ ވެސް ޒިންމާދާރު ވަޒީފާތަކުގައި އުޅޭ ބަޔަކަށްވާއިރު ރަޙުމަތްތެރިންނާ ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލުން އޮންނަނީ އުނދަގޫކަމަކަށް ވެފައެވެ. އަފީފު މިރޭގެ ހަފުލާ ރޭވި އެންމެ މުހިންމު މަޤުޞަދަކީ އެއީކަމުގައި ބުނެ ވާހަކަ ނިންމާލާފައި އޭނާގެ މޭޒުގެ ދޮށުގައި އިށީނެވެ.

“ނާޒިލްބެ ހެންޑްސަމްއޭ ބުނި ފިރިހެންކުއްޖާ އެއީ” އަފީފާއެކު ހުރި ޒުވާނާ ފެނުމުން ޒޫރިން ބުނެލިއެވެ.

“އޯލް ދަ ހެންޑްސަމް ބޯއީޒްއާ ޓޭކަން… އޭނާގެ ގާލްފްރެންޑް ކަންނޭނގެ އަހަރުމެންނާއެކު ލިފްޓުން ފޭބީ” ނާޒިލު އިނދެފައި ދެބުމަ ހިތްލާފާއި މާޔޫސްވާގޮތް ދައްކާލިއެވެ. އެއާއެކު ޒޫރިން ހޭންފެށިއެވެ.

ގިނައިރެއްނުވެ އަނެއްކާ ވެސް މާހައުލު ހަލަބޮލިވެގެން ދިޔައެވެ. ރޭގަނޑުގެ ކެއުންތައްޔާރުކޮށްފައި އޮތް އިރު އެންމެން ތަށިތަކަށް އެއްޗެހި އަޅައިގެން އައިސް މޭޒު ދޮށުގައި އިށީންނަމުން ދިޔައެވެ. ހުރިހާ އެންމެންގެ ޢަމަލުތައް ހުރީ ކައުމަށް ސަމާލުވެފައެވެ. ކައިނިމެނުން ދިޔަ ވަރަކަށް ރައްޓެހި ރަޙުމަތްތެރިން ތިބިކަން ވެސް ހަނދާންވީ ދެނެވެ. ސީރިއަސްކަމާއި ސަމާސާ ކުލަވަރުތައް މީހުންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެއްދިމާލުގައި ތިން ހަތަރު މީހުންގެ ގުރޫޕުތައް ތުންގުޅާލައިގެން އޮލަވާހަކައިގައި ތިބޭއިރު އިރު އަނެއް ދިމާލަކުން ނިކަން ބާރު ހުނުންގަނޑު އެއްފަހަރާ އިވިލައެވެ. ޒޫރިން ވެސް ބަނޑަށް ކުޑަގޮތެއް ހަދާލުމާއެކު ކާއެއްޗެހިން އަވަދިވެއްޖެއެވެ. ނާޒިލު އެކި މީހުންނާ ވާހަކަދައްކަމުން ދިޔައެއް ކަމަކު ޒޫރިން ދަންނަ އެކަކު ވެސް ނެތެވެ. ރީތި ޒުވާން ފިރިހެންކުއްޖެއްނަމަ ފެންނަނީ އެ ފަދަ ރީތި އަންހެންކުއްޖަކާ އެކުއެވެ. ފިރިހެންކުއްޖަކު ނެތްނަމަ އަންހެންކުދިންގެ ގުރޫޕުގެ ތެރޭގައި އެ ޕާޓީއަށް އައިސް ތިބި މީހުންގެ އުނިކަންތައް ފާހަގަކުރުމުގައި އުޅެއެވެ. ނޫނީ ތިމާގެ ރީތިކަން ފެނި ބޮޑާވާތަން ފެންނަމުން ދިޔައެވެ.

ކައިލަންއާއެކު މޭޒުގެ ދޮށުގައި އިނދެފައި ތެދުވި ޖަޒްލާ ފަހަތަށް އެނބުރިލުމާއެކު ލޮލުގައި އީތަން އަޅައިގަނެއްޖެއެވެ. ޕާޓީއަށް އައިސް ސުރެން ޖަޒްލާގެ ކެތްތެރިކަން ކުޑަވެފައިވަނީ އީތަން ނައިސްގެންނެވެ. މީހުންނާ އެކަހެރިވެލައިގެން އެކަނިމާއެކަނި މޭޒެއްގެ ދޮށުގައި ކޯކުތަށްޓެއް ހިފައިގެން އިން އީތަންގެ ގާތަށް ދިއުމަށް ޖަޒްލާ އުޅުނު ވަގުތު ކައިލަން އޭނާގެ އަތުގައި ހިފިއެވެ.

“ކޮންތާކަށް؟”

“އޭނދީ އީތަން، މިދަނީ އޭނާ ކައިރިއަށް”

“ޖޭޒް، މީ ޕާޓީއެއް، މިތަނުގައި ޒުވާބު ނުކުރާތި، އަހަންނަށް ބަލާނުލިޔަސް އަހަރެންގެ ބައްޕައަށް ރެސްޕެކްޓު ކުރަން ޖެހޭނެ، މީ ބައްޕަގެ އިވެންޓެއް… ސޯ ޕްލީޒް…”

“އެނގޭ ތިކަން، އަހަރެން އެކަހަލަ ކަމެއް ނުކުރާނަން”

ޖަޒްލާ މިހެން ބުނުމުން މަޑުމަޑުން ކައިލަން ޖަޒްލާގެ އަތުން ދޫކޮށްލީ މަޖުބޫރުވެފައި ހުރި މީހަކު ހެންނެވެ. އަދި ދެއަތްތިލަ މުއްކަވާލެވުމާއެކު ފަޓުލޫނުގެ އަރިމަތީ ދެ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިފިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ޖަޒްލާއާ ވަތްކެއްނުވެއެވެ.

“އީތަން…”

އިސްޖަހާލައިގެން މޭޒުމަތީ ދެއަތްއަޅުވާލައިގެން ދެއަތުން ކޯކުތަށި ހިފަހައްޓާލައިގެން އެއަށް ގެއްލިފައި އިން އީތަން އިސްއުފުލާ ބަލާލިއެވެ. ކައިރީގައި ހުރި ޖަޒްލާ ފެނުމުން އޭނާގެ ބޮލުން ފެށިގެން ތިރިއަށް އީތަން ބަލާލިއެވެ.

“އައި މިސްޑް ޔޫ… އައި އެމް ސޮރީ…” ޖަޒްލާ އީތަންގެ ގާތުގައި މޭޒު ދޮށުގައި އިށީނދެ އީތަންގެ އަތުގައި އެއްއަތް ބާއްވާލިއެވެ. އެހިނދު ވަރަށް ފުން ބަލާލުމަކުން އީތަން ޖަޒްލާއަށް ބަލާލިއެވެ.

“ޔޫ ލުކް ބިއުޓިފުލް ޓުނައިޓް…” އީތަން އެއްބަސްވާން ބޭނުންނުވިޔަސް އޭނާ ވެސް ޖަޒްލާގެ މަތިން ހަނދާންވެއެވެ. އަދި މިރޭ ޖަޒްލާ ވަކިން ރީއްޗެވެ. ލޯބިވެގެން އެކުގައި އެހާ ދުވަހު އުޅުނު ބައިވެރިޔާ ފެނުމުން ހިތަށް ގޮތެއް ނުވެއެއް ނުދާނެތާއެވެ.

“އައި.. އައި…” އީތަންގެ އަތްމަތީ އޮތް ޖަޒްލާގެ އަތްތިލައިގައި ހިފާލަމުން އީތަން އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް ދުރުގައި އެމީހުންނަށް ބަލަން ހުރި ކައިލަން އީތަންގެ ލޮލުގައި އަޅައިގަތީ އެ ވަގުތުއެވެ.

“އަހަންނަށް ހިޔެއްނުވޭ ޖޭޒްއަށް އަހަރެން އެހާ މުހިންމު ހެނެއް، އެހެންނޫންނަމަ އަހަރެން މި ވަރަށް ދައްކާ ވާހަކަ ޖޭޒްއަށް ގެޓު ވީސް، އެހެރީ ކައިލަން… ޖޭޒްގެ އިންތިޒާރުގައި… ދޭ އޭނާގެ ގާތަށް… މިތަނަށް އައީ ވެސް އޭނާއާއެކު އެއްނު” އީތަން ދެބުމަ ކައިރިކޮށްލުމާއެކު ނިތަށް ރޫޖެހިލިއެވެ.

“ތިހެން ނުބުނެބަލަ… އައި އޮންލީ ލަވް ޔޫ…”

“ދެން ދޭ މިތަނުން، އަހަރެން ފެނިއްޖެއެއްނު… ދެން ޖޭޒް ދޭ… ދެން ދޭ މިތަނުން…” ޖަޒްލާގެ އަތް އީތަންގެ އަތާ ވަކޮކޮށްލުމާއެކު އީތަން ބުނަމުން ދިޔައެވެ.

“ޑޭމްއިޓް އީތަން… ޗައިލްޑިޝް ނުވެބަލަ… އިޓްސް ޔޯ އީގޯ…. އެހެން އެއްވެސް ކަމެއްނޫން”

“އަހަރެން ގާތަށް ތިއައީ ކައިލަންގެ ރަނގަޅު ވާހަކަދައްކަންތަ؟ މިތަނުން ޖޭޒް ދާނީތަ ނޫނީ އަހަރެން މިދަނީ”

ވަށައިގެން ހޯދަމުން ދިޔަ ޒޫރިން މަޑުމަޑުން މޭޒު ދޮށުން ތެދުވިއެވެ. އޭނާގެ ގާތުގައި އިނދެފައި ނާޒިލު ދިޔައީ ކޮންދިމާލަކަށް ކަމެއް ނޭނގެއެވެ. ފާޚާނާ ފެނޭތޯ ޒޫރިން ހޯލްގެ ފަހަތަށް ހިނގައިގަތެވެ. އޭނާގެ ހިނގުމަށް ބަދަލު އައިސް މޭޒެއްގެ ދޮށުގައި ހުރި ގޮނޑިއެއްގައި ޒޫރިން ހިފަހައްޓާލީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އޭރުން އޭނާގެ ދެލޮލުން އާދަޔާ ޚިލާފު ވިދުމެއް ފާޅުވުމާއެކު “ޑްރެގަން ފްރުޓް” ލިފްސްޓިކު ޖައްސާފައިވާ، ތެތްކަން އެކުލެވިގެންވި ތުންފަތް ނިކަން ބޮޑަށް ދެފަރާތަށް ދެމިލިއެވެ.

“އީތަން… އޯ މައި ގޯޑް…” އަމިއްލަ ނަފްސަށް ޒޫރިން ބުނެލިއެވެ. ފުންނޭވާއެއް ލުމާއެކު އޭނާގެ ބަނޑުގައި އަތްޖައްސާލީ އީތަން ފެނުމުން ބަނޑުގައި ކޮކާ އުދުހެން ފެށި ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ހަމައެއާއެކު ހިތުގެ ތެޅުން އަވަސްވެއްޖެކަން ގައިމެވެ.

ހިނިތުންވެލައިގެން ހުރެ ޒޫރިން ކުރިއަށް ހިނގައިގަތެވެ. އީތަންއާއެކު މޭޒުގެ ދޮށުގައި އިން އަންހެންކުއްޖާ ޒޫރިންނަށް ފާހަގަކުރެވުނެވެ. ރަންކުލައިން ޖަރީކުރެވިފައިވާ ފެހިކުލައިގެ ދިގު ހެދުމުގައި ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖަކީ ކާކުކަން ޒޫރިންނަށް އޭނާގެ ފުރަގަހުން ވެސް އެނގިއްޖެއެވެ. އޭނާއަށް އީތަން އިން މޭޒާ ހަމައަށް ނުދެވެނީސް މަޑުކޮށްލަން ޖެހުނީ ކުއްލިއަކަށް އީތަން ހިފައިގެން އިން ކޯކުތަށި ތަންކޮޅެއް ބާރަށް މޭޒުމަތީ ބެހެއްޓި ގޮތުންނެވެ. ހީވަނީ ކަމަކާ ހިތްހަމަނުޖެހުނީހެންނެވެ. އީތަންގެ ގާތުގައި އިން އަންހެން ކުއްޖާ ވެސް ކުއްލިއަކަށް ތެދުވެއްޖެއެވެ. އަދި އޭނާ އެނބުރި ހިނގައިގަތީ ޒޫރިން އައިސް އައިސް ހުރި ދިމާއަށެވެ. އެއްފަރާތަށް ޒޫރިން ޖެހިލި ނަމަވެސް އިސްޖަހައިގެން ހަލުވިކޮށް އައި ޖަޒްލާ، ޒޫރިންގެ ގައިގާ އަޅައިގަތެވެ.

“އޯ! ސޮރީ…” ޖަޒްލާ އިސްއުފުލާ ބަލާލުމާއެކު ނިކަން އަވަހަށް ބުނެލިއެވެ. ޒޫރިން ކުޑަކޮށް ހިނިތުންވެލިއެވެ. އޭނާއަށް ސަމާލުކަމެއް ދިނުމެއްނެތި ޖަޒްލާ އޭނާގެ ހެދުން އެއްއަތުން ކުޑަކޮށް ހިއްލާލަމުން ކުރިއަށް ހިނގައިގަތެވެ.

މޭޒު ދޮށުގައި އިން އީތަން މުށްކަވާލި އަތުން އަމިއްލަ ފައިގާ ޖަހާލަމުން ކުރިއަށްވުރެ ވެސް ބޮޑަށް ދުބުމަ ކައިރިކޮށްލިއެވެ. އަދި އިސްއުފުލާ ޖަޒްލާ ދިމަ ދިމާއަށް ބަލާލިއެވެ. އެހިނދު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ އޭނާއާ ދިމާއަށް އަންނަ އަންހެންކުއްޖާ ފެނިފައެވެ. މަޝްހޫރު “ޖޮވާނީ”ގެ މަޑުމަޑު ކޮފީ ކުލައެއްގެ ދިގު ލޭސް ހެދުމެއްގައި ހުރިއިރު އެ ހެދުމުގެ ރީތިކަން ފާޅުވޭވޭ ހުރީ އެ އަންހެންކުއްޖާއަށް ލިބިފައިވާ ފުރިހަމަ ހަށިގަނޑުގެ ސަބަބުންނެވެ. ރަންކުލައެއްގެ އޮފެއް ހުރި “މިރާ” ބެލްޓުން އުނަގަނޑުގެ ހިމަކަން ފާޅުވެގެންދެއެވެ. ހިނިތުންވެލައިގެން ހުރެ އީތަންއާ ދިމާއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައިރު އުސް ފައިވާނުގައި ހިނގުމުގެ ވައްޓަފާޅި އެ އަންހެންކުއްޖާގެ އެބަހުރިކަން ގައިމެވެ.

“މިތާ އަހަރެން އިށީނަސް އެންމެ ރަނގަޅުތަ؟” ޒޫރިން އައިސް އީތަންގެ ގާތުގައި މަޑުކޮށްލަމުން އަހާލިއެވެ. ވަގުތުން ދެކޮނޑު އަރުވާލަމުން އީތަންގެ މޫނަށް އެ ޖައްސާލި ވައްތަރުތަކުން ޒޫރިންނަށް ޖަވާބު ލިބިގެން ދިޔައެވެ. ކުޑަކޮށް ގޮނޑި ދުރުކޮށްލާފައި ޒޫރިން އިށީނދެއްޖެއެވެ. އަދި ގޮނޑީގައި ހަމަޖެހިލުމާއެކު އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން އުނގުގައި ދެއަތް ބާއްވާލައިގެން އިނދެ ދުރު ބަލަން ފެށިއެވެ. އެހެން އިންނަތާ ގިނަ އިރެއްނުވެ އީތަންގެ ފިރިހެންވަންތަ ޖާދުވީ އަޑުން ހީނލިއަޑު އިވުނެވެ. އެއާއެކު އީތަންއަށް ނުބަލަން އިން ޒޫރިންގެ ގާތަށް ވެސް ހިނިއަތުވެއްޖެއެވެ. އެހެންނަމަވެސް އޭނާ ދެ ތުންފަތް ފިއްތާލީ ނުހޭށެވެ.

ކުއްލިއަކަށް އީތަންގެ ޠަބީޢަތް ބަދަލުވެގެން ދިޔަ ކަހަލައެވެ. ހިނިތުންވެލައިގެން އިނދެ ސިއްރުގޮތަކަށް ޒޫރިންނަށް ބަލަމުން ދިޔައިރު އޭނާގެ ކޮންމެ ހަރަކާތަކުން ވެސް ޒޫރިންނަށް ޝައުގުވެރިވެފައި އިންކަން އެނގެއެވެ. ދޭތެރެއަކުން ހިންދިރުވާލެވެނީ ޒޫރިންގެ ހަށިގަނޑުން ދުވާ މީރުވަހެއްގެ ސަބަބުންނެވެ. ހިއްސުތަށް ހަމައަކަށް އަޅުވާލާ ހިކެމުންދިޔަ އަރުތެރެ ތެތްމާލުމަށެވެ. އަނގައިން ނުބުނި ކަމުގައި ޒޫރިންގެ ފަރާތުން ވެސް އީތަންއަށް މެސެޖުތަކެއް ލިބެމުންދިޔައެވެ. އެ އަންހެންކުއްޖާ އައިސް އެއިނީ ސީދާ އީތަންއާ ބައްދަލުކުރާންކަން ޚުދު އީތަންއަށް ވެސް އެނގެއެވެ.

“ސްޓަނިންގ… އެންޑް ސެކްސީ…” ލޯ ހިމަކޮށްލާފައި މާނަފުން ގޮތަކަށް ޒޫރިންގެ ބޮލުން ފެށިގެން ތިރިއަށް ބަލާލާފައި އީތަން ބުނެލިއެވެ. އަދި މިފަހަރު ވެސް ހީނލިއަޑު އިވުނެވެ. ހީވީ އޭނާގެ ހިތުގައި ކަމެއް ފޮރުވާލައިގެން އިންހެނެވެ.

“ތޭންކްސް… ނައިސް ޓަކްސް…” މާ ނޫންގޮތަކަށް ލޮލުގެ ހިމަކޮޅުން ޒޫރިން ބަލާލާފައި ތުއިގޮތަކަށް ބުނެލިއެވެ. އޭނާ ނުހޭން މަސައްކަތްކުރާކަން އީތަންއަށް ވެސް އެނގުނެވެ. އެހެންނަމަވެސް އަލަށް ދެމީހުން ފަދައިން އެކަކު އަނެކަކަށް އެއްވެސް ކަމެއް ނޭނގޭހެން އުޅުން ބަހައްޓަން މަސައްކަތް ކުރިއެވެ.

“މޭ އައި…” އީތަންގެ ކަރުގައި އޮތް ބޯޓައި އަރިވެފައި އިނުމުން އޭގައި އަތްޖައްސާލަން އުޅެފައި ކުއްލިއަކަށް ޒޫރިން މަޑުކޮށްލާފައި އަހާލިއެވެ. އިރުކޮޅަކު ޒޫރިންގެ މޫނަށް ބަލަން އިނދެފައި އީތަން “ހޫން” ލައްވާލިއެވެ.

ޒޫރިން އޭނާ ގެންގުޅުނު ކްލަޗް މޭޒުމަތީ ބާއްވާލުމާއެކު އީތަންއާ ދިމާއަށް އެނބުރިލިއެވެ. އަދި އޭނާގެ ކަރުގައި އޮތް ބޯޓައީގައި ދެއަތް ޖައްސާލުމާއެކު އީތަންއަށް ބަލާލެވުނެވެ. އޭރު ވެސް އީތަން އިނީ ޒޫރިންނަށް ބަލާށެވެ. ދެ މީހުންގެ ލޯ އަމާޒުވެގެން ދިއުމާއެކު ދެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. މަޑުމަޑުން އީތަން ކުރިއަށް ޖެހިލިއެވެ. ނަޒަރު ތިރިކޮށްލަމުން ޒޫރިން ބޯޓައި ރަނގަޅުކޮށްލަ ދިނެވެ.

“ނައު އިޓްސް ޕާފެކްޓް…” ޒޫރިން މަޑުމަޑުން މިހެން ބުނެ ދެއަތް ތިރިކޮށްލަމުން ކުރިން އިންހެން އުނގުގައި ދެއަތްތިލަ ބާއްވާލިއެވެ. ހަރަކާތެއް ވެސް ކޮށްނުލާ އީތަން އިންގޮތަށް އިނީ އަދިވެސް ޒޫރިންނަށް ބަލާށެވެ.

މަސްތުކުރުވާ ގޮތެއް ޒޫރިންގެ ހުރިކަން އީތަންއަށް ޔަޤީންވެއެވެ. އޭނާގެ ހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއް ވަނީ އެހެންވެކަން ގައިމެވެ. ޒޫރިންގެ ގައިގާ އެހެން އަންހެންކުދިންނާ ތަފާތު ގޮތެއް އެބަހުއްޓެވެ. ހަމަގައިމުވެސް އީތަންއަށް ބާރު ފޯރުވާ ކަހަލަ ސިހުރެއް އެ އަންހެންކުއްޖާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ ޠަބީޢަތަށް އެހާ ބޮޑު ބަދަލެއް އެހެންނޫނީ އަންނަންވީ ކީއްވެ ހެއްޔެވެ. ދާދި ކުޑަކުޑަ ހިނދުކޮޅެއް ކުރިން އީތަން އިނީ ޖަޒްލާއާ މެދު ހިތްހަމަނުޖެހިފައެވެ. އެކަމަކު މިހާރު އޭނާގެ ވަށައިގެންވާ އެއްވެސް ކަމަކަށް ފަރުވާލެއްނެތެވެ. އީތަންގެ ހުރިހާ ސަމާލުކަމެއް ޒޫރިން އަތުލައިފިއެވެ.

މޭޒުމަތީގައި އީތަން އެއްއަތް ބާއްވާލުމާއެކު އެއްޗެއް ބުނަން ގަސްދުކޮށް އަނގަހުޅުވާލިއެވެ. އެހެންނަމަވެސް އޭނާއަށް ޒޫރިން ބަލާލުމާއެކު ބަސްހުއްޓުނު ކަހަލައެވެ. އަސަރުހުރި ހިނިތުންވުމެއް އީތަންއާ ބަދަލުކޮށްލަމުން ޒޫރިން އޭނާގެ ކަނާތް މޭޒުމަތީ ބާއްވާލީ އީތަންގެ ވައަތުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އަދި އީތަންއަށް ބަލަން އިނދެ މަޑުމަޑުން އަތްތިލައިގެ ނުފުށުން އީތަންގެ އަތްތިލާގައި ޖައްސާލިއެވެ. އަނގައިން ނުބުނެ ޒޫރިންނަށް ބަލަން އިން އީތަން ހިނިތުންވެލިއެވެ. ޒޫރިން އޭނާގެ ކުޑަވައި އިނގިލި އީތަންގެ އަތުގެ ކުޑަވައި އިނގިލީގައި އަޅުވާލަމުން ހަފަހައްޓާލިއެވެ. އެހިނދު އީތަން ވެސް އޭނާގެ އިނގިލިން ޒޫރިންގެ އިނގިއްޏަށް ބާރުކޮށްލަމުން ހީނލިއެވެ.

“ވަޓް އާ ޔޫ ޑުއިންގ…” އީތަން ކުޑަކޮށް ޒޫރިންނާ ދިމާއަށް ގުދުވެލަމުން މަޑުމަޑުން އަހާލިއެވެ.

“ނަތިންގ… ޖަސްޓް ނަތިންގ…” އަވަސް އަވަހަށް ޒޫރިން ނޭނގޭކަމަށް ހަދާލިއެވެ. އެއާއެކު ވަކިން ބޮޑަށް އީތަންގެ ގާތަށް ހިނިއައެވެ. އަދި ގުޅިފައިވާ ކުޑަވައި އިނގިއްޏާއެކު އަތްހިއްލާލީ ޒޫރިންގެ އަތާއެކުއެވެ. އީތަން ލޮލުން ދެ މީހުންގެ ގުޅިފައިވާ އަތްތިލައަށް އިޝާރާތްކޮށްލިއެވެ. އެހިނދު ނިކަން އަވަހަށް ޒޫރިން އަތް ދުރަށްލިއެވެ. ނަމަވެސް އޭނާގެ އަތުގައި އީތަން ހިފިއެވެ.

“އެއި ކާކު؟ ކާކުގެ ދަރިއެއް؟ ރާއްޖޭ ކުއްޖެތަ؟” ކައިލަންގެ ގާތުގައި ހުރި ޖަޒްލާ އަހާލިއެވެ. އޭނާގެ ނަޒަރު ހުރީ އީތަން އާއި އޭނާގެ ގާތުގައި އިން އަންހެންކުއްޖާއަށް އަމާޒުވެފައެވެ. އީތަން ހީނލާ ކޮންމެ ފަހަރަކު ޖަޒްލާގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވެއެވެ. މި ނޫނީ އީތަން އަންހެންކުދިންނާ އެހާ ގާތްގޮތެއް ބަހައްޓާތަނެއް ޖަޒްލާއަށް ފެނިފައެއްނެތެވެ. އޭގެ އިތުރުން އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައީ އީތަންގެ ގާތުގައި އިން އަންހެންކުއްޖާގެ ރީތިކަމެވެ. އެ އަންހެންކުއްޖާގެ ހަރަކާތްތަކާއެކު އީތަންއަށް ބަދަލުތަކެއް އަންހެން ޖަޒްލާއަށް ހީވާތީއެވެ.

“ނޭނގެ، މިތަނުން ކޮންމެވެސް މީހަކާއެކު އައިސް އުޅޭ ކުއްޖެއްހެން ހީވަނީ” ކައިލަން ވެސް ހުރީ އީތަންއަށް ބަލާށެވެ.

“އާނ! އަހަންނާ ދިމާވި އެކުއްޖާ، ލިފްޓުން ދުށިން ކޮންމެވެސް ފިރިހެނަކާ އެކު ހުއްޓާ… އޭނާ ކިހިނެއް އީތަން ދަންނަނީ، ކައިލް… އަޅެ ބަލާބަލަ އޭނާ މި ޕާޓީގައި ކީއްތޯ ކުރަނީ، އޭނާ އީތަންގެ ގާތުގައި ކީއްތޯ އެ ކުރަނީ…” ނޭވާލާން އުނދަގޫވެފައި ހުރި މީހަކުހެން ޖަޒްލާ ބުނެލިއެވެ. ހަމަ އެވަގުތު އީތަން އިން މޭޒާ ދިމާއަށް ޒުވާނަކު އަންނަނިކޮށް ފެނުނެވެ.

“އެހެރީ އީތަންގެ ބޮސް، އެ މޭޒާ ދިމާއަށް އެ ހެރެގެން އަންނަނީ” ކައިލަން ބުނެލިއެވެ.

ޒޫރިންނަށް އެމީހުންނާ ދިމާއަށް މީހަކު އަންނަކަން އެނގުމުން މޭޒުމަތީ ހުރި ޓިޝޫއެތިން ޓިޝޫއެއް ނަގާ އޭނާގެ އަތުގައި އޮތް ކްލަޗް ހުޅުވާލިއެވެ. އަދި އޭގައި އޮތް ތުންފަތުގައި އަޅަން ގެންގުޅޭ ކުލަފަންސޫރު ނަގާ ނިކަން އަވަހަށް އެއްޗެއް ލިޔެލިއެވެ. އަދި ފަންސޫރު ކްލަޗްއަށް ލާފައި އަތުގައި ފަތްޖަހާލާފައި އޮތް ޓިޝޫކޮޅު އީތަންއާ ދިމާ މޭޒުމަތީ ބާއްވާލަމުން އީތަންއަށް ބަލާލިއެވެ. ހީވީ ލޮލުން މަސެޖެއް ފޮނުވާލި ހެންނެވެ. ޒޫރިން ތެދުވުމާއެކު އީތަން މޭޒުމަތީ އޮތް ޓިޝޫކޮޅު ނެގިއެވެ. އަދި އެއަށް ބަލާލާފައި ހީނލިއެވެ.

“ޒޫރިން…” ކުއްލިއަކަށް ހިނިއައިސްފައި އިނދެ އީތަން ގޮވާލިއެވެ. އެއާއެކު އޭނާއާ ދެތިން ފިޔަވަޅު ދުރަށް ދެވިފައި ހުރި ޒޫރިން ފަސް އެނބުރި ބަލާލިއެވެ.

“އައިލް ވީ ވެއިޓިންގ…” ޒޫރިން ސިއްރުން ވައި އަޑުން ކަހަލަ ގޮތަކަށް މިހެން ބުނެލާފައި ނިކަން ބޮޑަށް ހިނިތުންވެލުމާއެކު އެއްލޯ މަރާލާފައި ހިނގައިގަތެވެ. އީތަން ހިނިއައިސްފައި ދެފަރާތަށް ބޯހޫރާލާފައި އަނެއްކާ ވެސް އަތުގައި އޮތް ޓިޝޫ ކޮޅަށް ބަލަހައްޓައިގެން އިނެވެ. އަދި އެ ޓިޝޫކޮޅު އޭނާގެ ފަޓުލޫނު ޖީބަށް ލިއެވެ.

“އީތަން ކީއްވެ އެކުއްޖާގެ އަތުގައި ހިފަންވީ؟ ކޯއްޗެއް އޭނާ އެ ދިނީ… ކައިލް…. ހޫ އިޒް ޝީ؟ އޭނާއާ އީތަންއާ އޮތީ ކޮންގުޅުމެއް… ކައިލް. ފެނުނުތަ؟ ފެނުނުތަ އެ އަންހެންކުއްޖާއަށް އީތަން ބަލަން އިން  ގޮތް… އައި ޖަސްޓް ކާންޓް ބިލީވް ދިސް” އަތުގައި އޮތް ކުޑަ އަތްދަބަހަށް ހިތުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ފާޅުކުރަމުން ޖަޒްލާ ވާހަކަދެއްކިއެވެ.

ޕާޓީއިން މީހުންތައް ނުކުންނަން ފެށިއެވެ. ޒޫރިން ހޯދަމުން ދިޔަ ނާޒިލްއަށް ހޯލުގެ ފަހަތުން އެމީހުން ތިބި މޭޒާ ދިމާއަށް އައި ޒޫރިން ފެނުނެވެ. އޭނާ އަތުން އިޝާރާތްކޮށްލުމާއެކު ޒޫރިން ތަންކޮޅެއް އަވަހަށް ހިނގާލާފައި އައިސް ނާޒިލުގެ ކުރިމަތީ ހުއްޓުނެވެ.

“ދާންވީތަ؟”

“ހިނގާ ދެން ދަމާ… ވަރަށް ލަސްވެއްޖެއެއްނު، އެހެންނޫނީ މިގަޑި މީ ރީން ނިދާފައި އޮންނާނެ ގަޑި، އަދި އެބައޮތް ވާހަކަ އެއްވެސް ބުނަން ވެފައި، ދެން ދަމުން ވެސް އެ ވާހަކަ ދެއްކިދާނެ”

ނާޒިލުއާއެކު ޕާޓީއިން ނުކުންނަން ދިޔަ ޒޫރިން އަދި ވެސް އެއްފަހަރު އީތަން ފެނޭތޯ ހޯދާލިއެވެ. އެހެންނަމަވެސް އީތަން ކުރިން އިން މޭޒުގެ ދޮށުގައި އޭނާއެއް ނެތެވެ. ތުންފިއްތާލާފައި ލިބުނު މާޔޫސްކަމާއެކު ނާޒިލުގެ އަތުގައި ހިފާލައިގެން ހުރެ ހޯލުން ނުކުތެވެ.

“އިހަށް މަޑުކޮށްލަ ދީފާނަންތަ؟” އީތަންއަށް ގޮވާލުމާއެކު ޖަޒްލާ ބުނެލިއެވެ. އޭރު އީތަންއާއެކު ނުފައިލު ވެސް ހުއްޓެވެ.

“އަހަރެން ތިރީގައި މަޑުކޮށްލާނަން، އަދި ކާރު ވެސް ނަގަން ޖެހޭނެ” ޖަޒްލާއަށް ބަލާލާފައި ނުފައިލު އީތަންއަށް ބުނެލިއެވެ. މަޑުމަޑުން އީތަން ބޯޖަހާލުމާއެކު ނުފައިލު ހިނގައިގަތެވެ.

ޖަޒްލާ، އީތަންގެ އަތުގައި ހިފާލަމުން އެއްފަރާތަކަށް ގެންދިޔައެވެ. އަދި ސުވާލުކުރަން ފެށިއެވެ.

“ކޮން އަނެހެންކުއްޖެއް އެއީ؟” ޖަޒްލާ ހިތްހަމަނުޖެހިފައި އެހިއެވެ.

“ކޮބާތަ؟”

“ނޭނގޭކަމަށް ހަދަން ނޫޅޭ، އީތަންއާއެކު މޭޒުދޮށުގައި ބްލޮންޑު އަންހެންކުއްޖެއް އިނެއްނު، އެއީ ކާކުހޭ މިއަހަނީ”

“ކިހިނެއްވީ؟ އެއީ ރައްޓެއްސެއް” އީތަންއާއެކު ޒޫރިން އިންތަން ޖަޒްލާއަށް ފެނުނީކަން އީތަންއަށް ޔަޤީންވިއެވެ. ހަމައެއާއެކު ޖަޒްލާ ހިތްހަމަނުޖެފައި ހުރި ވަރު އީތަންއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް މިފަހަރު އީތަންއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އަދި ހަމަ އެހިނދު ޒޫރިން ބާއްވާފައި ދިޔަ ޓިޝޫކޮޅުގެ މަތިން ހަނދާންވުމާއެކު ހިނިތުންވެލެވުނެވެ.

“ތިހެނީ އަހަންނަށް މަލާމަތްކުރަންތަ؟ އަހަރުމެން ދެމީހުން އަދި ބްރޭކްއަޕްއެއް ނުވަން، އެހާ އަވަހަށް އީތަން ބަދަލުވީތަ؟”

“އަހަރެން އެއީ ރައްޓެސެކޭ ބުނީމަ ޖަޒްލާއަށް ކީއްވެ ޤަބޫލުނުކުރެވެންވީ؟”

“ރައްޓެހިން އެހާ ކްލޯސްކޮށް އުޅޭތަ؟… އޭނަ ކޯއްޗެއް އީތަންއަށް ދިނީ… ދައްކާ އަހަންނަށް”

“ޖޭޒް، ކޮންވައްތަރަކަށް ތިއުޅެނީ، ބަލަ ޖޭޒް ނުބުނަންތަ ކައިލަންއަކީ ވެސް ޖޭޒްގެ ރަޙުމަތްތެރިއެކޭ، އަހަރެން ވެސް ޖޭޒް ތިކުރި ސުވާލު ކުރީމެއްނު، އެންމެފަހުން ފެނުނީ ވެސް ރައްޓެހިންގެ މެދުގައި ފެނިގެންނުވާނެ މަންޒަރެއް، އެހެންވީމަ އެންމެ ރަނގަޅުވާނީ ޖޭޒްގެ އަނގައިން ތި ވާހަކަ ނުދެއްކިއްޔާ… އަހަރެން މި ދަނީ ދާން..” އީތަންގެ ޖެކެޓުގައި އަތްޖައްސާލައިގެން ހުރި ޖަޒްލާ އެއްފަރާތްކޮށްލަމުން އީތަން ހިނގައިގަތެވެ. ފެންކަޅިވަމުން ދިޔަ ޖަޒްލާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. އީތަންގެ ވާހަކަތަކުން އޭނާއަށް ވަރަށް ވެސް ފުން އަސަރެއް ކުރުވިއެވެ. އެންމެ ކައިރީ ހުރި މޭޒުގެ ދޮށުގައި ޖަޒްލާ އިށީނެވެ. އަދި ޓިޝޫއެއް ނަގާ ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފޮހެލިއެވެ.

ގެއަށް އައިސް ވަދެވުމާއެކު ލައިގެން ހުރި ކޯޓު ބަލާ ކޮޓަރީގައި ހުރި ގޮނޑިމައްޗަށް އެއްލިއެވެ. އަދި ލައިގެން ހުރި ހުދު ގަމީހުގެ ކަރުގައި ބައްދާފައި އޮތް ބޯޓައި ނައްޓާލުމަށް ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ އީތަން ހުއްޓިލިއެވެ. ބޯޓައީގައި ދެއަތްޖައްސާލުމާއެކު އީތަންގެ ހަނދާނަށް އައީ ޒޫރިންނެވެ. އެއްމިޔަކަނިން ހިނިތުންވެލުމާއެކު އަވަސްއަވަހަށް ފަޓުލޫނުގެ ޖީބަށް ލީ ޓިޝޫކޮޅު ނަގާ ބަލާލިއެވެ. އިނގިރޭސި ބަހުން ލިޔެފައިވާ ނޯޓާއި ފޯނު ނަންބަރަށް އީތަން ބަލަން ހުއްޓެވެ. އޭގައި ވިއެވެ. “ވާނޭގޮތެއް ނޭނގޭ ކޮންމެކަމެއްދެކެ ބިރުގަތުމަކީ ޠަބީޢީކަމެކެވެ. ތަޤުދީރަކީ ގޮތް ނޭނގޭ އެއްޗެކެވެ. އެހެންނަމަވެސް ދެ މީހަކު ގުޅުވުމަށް ތަޤުދީރު މަސައްކަތް ކުރާނަމަ އެކަމަކުގައި އެއްބާރުލުން ދިނުމަކުން ގޯހެއްނެތް ކަންނޭނގެއެވެ. އަހަރެން މިހިރީ އީތަންގެ ފޯނުކޯލުގެ އިންތިޒާރުގައެވެ. އަހަންނަށް ގުޅާނަން ހެއްޔެވެ. ތި ރީތި ހީނލުމުގެ އަޑު އަދިވެސް އަހާލާހިތްވެއެވެ. ޒޫރިން” ޓިޝޫގައި ލިޔެފައި އޮތީ އެހެންނެވެ. އީތަން މަޑުމަޑުން ޓިޝޫކޮޅު ގެނެސް ނޭފަތާ ކައިރިކޮށްލިއެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށެވެ.

ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައިވާ ހިމޭންކަން ފޫދުއްވާލީ އީތަންގެ ލުއި ހީނލުމެވެ. ނޭފަތާ ކައިރިކޮށްލި ޓިޝޫކޮޅަށް ބަލަން ހުރެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ފޯނަށް އިރުކޮޅަކު ބަލަންހުރެފައި އަތުގައި އޮތް ޓިޝޫކޮޅާއި ފޯނު ރީތިވާ މޭޒުމަތީ ބޭއްވިއެވެ. ދެން އީތަން އަވަސްވެލީ އޭނާގެ ހޫނުވެފައި ހުރި ހަށިގަނޑަށް ފިނިކަމެއް ދިނުމަށް ފެންވަރާލާށެވެ. އެހެންވެ ފަޓުލޫނު ބާލައި ކޯޓުއެއްލި ގޮނޑިމައްޗަށް ފަޓުލޫނު ވެސް އެއްލައިފައި ފާޚާނާއަށް އައިސް ވަނެވެ.

ކޮޓަރީގެ ދޮރު ލައްޕާލި ގޮތަށް ޖަޒްލާ ދުވެފައި އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ބޯއަޅަން ގެންގުޅޭ ބާލީސްތަކުން އަތުގައި ފުރަތަމަ ޖެހުނު ބާލީހުގައި ހިފައިގަނެ ރޯން ފެށިއެވެ. އެތައް އިރަކު ރުއިމަށްފަހު ބާލީހާ މޫނު ދުރުކޮށްލާ އެއްއަތުން ދެ ލޮލާއި ކޯތާފަތް ފުހެލިއެވެ. އަދި ތެދުވެ އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން މޭގައި ބާލީސް ޖައްސާ އޭގައި ބައްދާލައިގެން އިނެވެ.

“އަހަރެން ކިހާ ވަރަކަށް ގުޅިން، މާފަށް އެދިފައި ކިތައް މެސެޖު ފޮނުވިން… މައްސަލައަކީ އަހަންނެއްނޫން، އަދި ކައިލަން އެއްވެސް ނޫން، އެންމެ ދެތިން ދުވަހުގެ ތެރޭ އީތަންއަށް ތިހާ ބޮޑު ބަދަލެއް ތިއައީ ކީއްވެކަން މިހާރު އެނގިއްޖެ… އީތަންއަށް އަހަންނަށްވުރެ ރަނގަޅު އަންހެންކުއްޖަކު ފެނުނީ… އެކަމަކު އަހަންނާއެކު ނޫނީ އީތަންއަކަށް ނޫޅެވޭނެ… އެނގިއްޖެއްތަ؟ އީތަންއަކީ އަހަރެންގެ ހައްޤެއް…ހަމައެކަނި އަހަރެންގެ…”

ހިތުގައި ޖެހުނުވަރުން ޖަޒްލާއަށް ރުޅި ވެސް އާދެވުނީއެވެ. އެހެންވެ ވިސްނުމަށް ވެސް ރަނގަޅު ގޮތެއް ނައެވެ. ހީނުކުރަންވީ ކިތަންމެ ގޮތަކަށް ޖަޒްލާގެ ސިކުނޑިތެރޭ އީތަންގެ ޚިޔާލުތައް އެނބުރެމުންދިޔައެވެ. ސިކުނޑީގެ ނާރުތައް ވާންކުރަމުން އިތުރަށް ޖަޒްލާ ހާސްކުރުވަމުންނެވެ. އެހާލުގައި އިންދާ ފޯނު ރިންގުވާންފެށި އަޑަށް ޖަޒްލާ ސިހުނެވެ. އަދި ދުބަމަށް ގޮށްޖާލުމާއެކު ފޯނު ވީތަނެއް ހޯދަން ފެށިއެވެ. އެތަން މިތަން ހޯދާ ވެސް ފޯނު ނުފެނުމުން ހަޅައިލަވައި ގަންނަން ޖަޒްލާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފުންނޭވާއެއް ލާފައި ފޯނުގެ ރިންގު އިވެމުންދިޔަ ދިމާއަށް ސަމާލުކަން ދިނެވެ. ކޮޓަރީގައި ހުރި ސޯފާ ކައިރިއަށް ވެއްޓިފައި އޮތް ޖަޒްލާގެ އަތްދަބަސް ފެނުނީ ދެނެވެ. ފޯނު ރިންގުވާ އަޑު އިވެމުންދިޔައީ އެ އިންނެވެ.

“ކީއްކުރަން ކައިލަން ތި ގުޅަނީ” ރުންކުރުވެފައި ހުރެ ޖަޒްލާ ފޯނު ނަގާ ބުނެލިއެވެ.

“ގެއަށް ގޮސް ވަންގޮތުން ވެސް އަހަންނަށް އެނގުނު ޖޭޒްގެ ހާލު”

“ކައިލަންއަކަށް ނޭނގޭނެ، އެއްކަމެއް ވެސް ނޭނގޭނެ”

“ޖޭޒް، ތިހިރީ އެއްކަލަ ގޮތަށް ރުޅި އައިސްފައި، ދެން ކިހިނެއް ރަނގަޅު ގޮތް ވިސްނޭނީ، ނުގުޅަންކަމަށް ހުރީ، އެކަމަކު ހަމަ ކެތްނުވީ… ޖޭޒްގެ ހާލު އަހަންނަށްވުރެ ރަނގަޅަށް އެނގޭނެ އެހެންމީހަކު ނުހުންނާނެކަން ޚުދު އަހަންނަށް އެނގޭ، މިކަހަލަ ވަގުތެއްގައި ޖޭޒް އެކަނިކޮށްލައިފިއްޔާ އަހަރެން ކަހަލަ ރަޙުމަތްތެރިންގެ ބޭނުމަކީ ކޮބާ؟ ޕްލީޒް ޖޭޒް… ރުޅި ގަދަ ވެގެން މޮޔަކަމެއް ނުކުރާތި. ޖޭޒް ބޭނުންނަމަ ވާހަކަދައްކާލަން އަހަރެން ހިނގައިދާނަން، ނޫނީ އަހަންނާއެކު ބޭރަށް ނިކުމެލަންވީނު، އޭރުން ވެސް ބޯހަމަޖެހިދާނެ… އަދި ތި ހާސްވެގެން އުޅޭ ކަންތަކަށް ހައްލެއް ވެސް ލިބިދާނެ… ޖޭޒް… ހެލޯ… އަހަރެންގެ ވާހަކަ އަޑުއިވޭތަ؟ ކީއްވެ އެއްޗެއް ނުބުނީ”

“މިރޭ އަހަރެންގެ ހާލު ކައިލަންއަށް އެނގުނުހެން އެހެންމީހުންނަށް ކީއްވެތަ ނޭނގުނީ، ކައިލަން އަހަންނާމެދު ކަންބޮޑުވެގެން ގުޅި އިރު، އެހެންމީހުންނަށް އެއްފަހަރު ވެސް އަހަންނަށް ގުޅާލަން ހިތަށް ނޭރި….”

ކައިލަންއަށް ޖަޒްލާ ނުފެނުނު ކަމުގައި ވިޔަސް ޖަޒްލާގެ ވާހަކަތައް ދޭހަވިއެވެ. އޭނާ އެ ދައްކަނީ އީތަންގެ ވާހަކަކަން ކައިލަންއަށް އެނގެއެވެ. ޖަޒްލާގެ އެ ސުވާލުތަކަށް ޖަވާބެއް ދޭން ކައިލަންގެ ސިކުނޑި އަވަސް އަރުވާލި ނަމަވެސް އެކަމާ ޟަމީރު އެއްބަހެއްނުވިއެވެ. އަނެއްކޮޅުން ޖަޒްލާ ހުރީ އީތަން މިރޭ ކަންތައް ކުރި ގޮތުން ވަރަށް ބޮޑަށް ޖަޒުބާތީވެފައެވެ. ފަހަރެއްގައި ދެއްކޭ ވާހަކައަކުން ކައިލަންދެކެ ވެސް ހިތްހަމަނުޖެހުމަކީ ވެދާނޭ ގޮތެކެވެ.

“ޖޭޒްގެ ތި ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތް، އަހަރެން ގުޅީ އަހަރެންގެ އެކުވެރިޔާއަށް އެހީތެރިވެދޭން، ޖޭޒް… އަހަރެން މިދަނީ ޖޭޒް ބަލާ، ހިނގާ އަހަންނާއެކު ބޭރަށް ނުކުމެލަން… އެކަނި ތިހެން ގޭގައި އޮވެ ރުޅި ގަދަވުމަށްވުރެ ބޭރަށް ނުކުމެ ހިތްހަމަޖައްސާލައިގެން ގެއަށް ވަނުން މާ ރަނގަޅުވާނެ، އޭރުން މިރޭ ނިދޭނީ ވެސް، މިދަނީ އިނގޭ، މިހާރު މި ތިރިއަށް ފައިބަނީ… ކާރު ނަގައިގެން މިދަނީ ފައިވް މިނިޓްސް ތެރޭ”

ކައިލަންގެ ފޯނުކޯލަށްފަހު ކޮޓަރީގައި ހުރި ކުޑަސޯފާގައި ޖަޒްލާ އިށީނދެލައިގެން އިންގޮތަށް އިނީއެވެ. އެހެން އިންއިރު ލޮލުގައި ކަރުނަ ޖަމާވަމުން ދިޔައެވެ. ތުންފިއްތާލާފައި ލޯ މަރާލަމުން ދެއަތުން ލޯ ފުހެލިއެވެ. އަދި ކޮޅަށް ތެދުވުމާއެކު ޖަޒްލާގެ އަނގައިން ނުކުތީ ފުންނޭވާއެއްކަމެއް ނޫނީ މަޑުއާހެއްކަމެއް ނޭނގެއެވެ. ކުރިއަށް ފިޔަވަޅު އަޅާލަމުން އަލަމާރި ތެރެއިން އަތްދިގު ޓީޝާޓަކާއި ސްކިނީ ޖިންސެއް ނަގައިގެން ފާޚާނާއަށް ވަނެވެ.

މަޑުދުވެލީގައި ކައިލަން ކާރު ދުއްވަމުން ދިޔައިރު އޭނާއާ ޖެހިގެން ހުރި ސީޓުގައި ދެފައި ސީޓުމައްޗަށް ނަގައިގެން ދޮރުފަތުގައި ބޯޖައްސާލައިގެން ޖަޒްލާއިނެވެ. ކައިލަން ވާހަކައެއް ފެށޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެއްވެސް ވާހަކައަކަށް ޖަޒްލާގެ ފަރާތުން އިޝާރާތެއްނައެވެ.

“ކައިލް، އަހަންނަށް ހީވަނީ އަހަރެން އީތަންމެން ގެއަށް ދާންވީހެން، އޭރުން ކަންނޭނގެ އަހަރުމެން ދެމީހުންގެ ދެމެދުގައި މިއޮތް ރިލޭޝަންޝީޕަކީ ސީރިއަށް ރިލޭޝަންޝިޕެއްކަން އީތަންއަށް ވިސްނޭނީ… ފަހަރެއްގައި އޭނާ ބޭނުންވަނީ ވެސް އެގޮތް ކަންނޭނގެ…” އީތަންގެ ޚިޔާލުގައި އިނދެ ޖަޒްލާ ބުނެލިއެވެ. ވާނޭގޮތެއް ނޭނގުނަސް ކައިލަން ވެސް އެއްބަސްވިއެވެ. އެއީ ޖަޒްލާ ބޭނުންވާގޮތްކަން އެނގޭތީއެވެ. އަނެއްކޮޅުން އީތަން އާއި ޖަޒްލާގެ ގުޅުން ހީނަރުވަމުން އަންނައިރު އެ ގުޅުން ރަނގަޅުކުރުމަށް ކައިލަން ބާރު އަޅާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އެކަން ޖަޒްލާއަށް އެނގޭކަށް ވެސް ބޭނުމެއްނުވެއެވެ. މިހާރު އޭނާގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ފުރަތަމަ ކުލަ އުދަރެހުން ފާޅުވަމުން ދާ ކަހަލައެވެ. ފާޅުނުކުރި ނަމަވެސް ކައިލަންގެ ހިތަށް ޒަރެއްގެ ވިޔަސް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

ޖަޒްލާގެ އާފުރުންތަކުގެ ދޭތެރެ ކައިރިވަމުން ދިޔައެވެ. ދެ ލޯ ވެސް ކުޑަވާންފަށައިފި ކަހަލައެވެ. ކަނދުރާގެ ވަރުދޫކޮށްލައިގެން ގޮނޑީގައި އޮތުމަށްފަހު ކައިލަންއަށް ބަލާލާފައި އޭނާ ގެއަށް ގެންގޮސްދިނުމަށް އެދުނެވެ. އަދި ނިދިއަންނަން ފަށައިފި ކަމުގައި އެއްބަސްވިއެވެ. ލުއި ހިނިތުންވުމަކާއެކު ކައިލަން އެއްބަސްވެލާފައި ސީޓުގައި ކުރުގެޅިލަން މަސައްކަތްކުރި ޖަޒްލާގެ މޫނުމައްޗަށް ވެއްޓިފައި އޮތް ބުޅި އިސްތަށިކޮޅު އެއްފަރާތްކޮށްލާ އެ ސާފު މޫނަށް ބަލާލިއެވެ.

ހެނދުނު ވެއްޖެކަން ޒޫރިންއަށް އެނގުނީ ލޯ ހުޅުވާލި އިރު ކޮޓަރީގެ ކުޑަދޮރުގައި އަޅުވާފައި ހުރި ފަރުދާއަށް އަލިވެފައި ހުރުމުންނެވެ. ފުންމައިގެން ތެދުވިގޮތަށް އަވަހަށް އައިސް ކުޑަދޮރުގައި އަޅުވާފައި ހުރި ދެ ފަރުދާއިން އެއް ފަރުދާ ކަހާލިއެވެ. އެއާއެކު ހިފެހެއްޓިފައި ހުރި ރަންދޯދިތައް ތުނިތުނި ފަރުދާގެ ތެރެއިން ފުރޭނިގެން އައިސް ޒޫރިންގެ ހަށިގަނޑުގައި ބޮސްދީފިއެވެ. އުޅާހަށް ދެމިލާފައި ޒޫރިން އެނބުރިލީ އެނދުކައިރި ހުރި ކުޑައަރިމަތީ ކަބަޑާ ދިމާއަށެވެ. ހިނިތުންވެލުމާއެކު ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރެ އައިސް އެނދުގެ އަރިމަތީ އިށީނދެ ކަބަޑުމަތީ އޮތް ފޯނު ނަގާ ބަލާލިއެވެ.

“ކީއްވެބާ ނުގުޅީ… މޭ ބީ އިޓް ވޯސް ސްޓްރޭންޖު، ނޫނީ އޭނާގެ ގާލްފްރެންޑެއް ހުންނަނީ ކަންނޭނގެ، އެކަމަކު… އީތަން… އާނ! އަހަންނަށް އެނގޭ އީތަން ވެސް އަހަންނާ ފްލާޓްކުރީކަން، ދެން ނޭނގެ… އިތުރަށް ވިސްނަންޏާ ހައްތަހާ ބޯގޮވާނީ، އީތަން އަހަންނަށް ނުގުޅާނީ އޭނާ އެއްވެސް ވަރަކަށް އަހަންނަށް އިންޓްރެސްޓު ނެތީމަ، ނޫނީ އޭނާގެ ގާލްފްރެންޑެއް ހުރީމަ، އެހެންވިޔަސް އަހަންނަށް އަހަރެންގެ އަމިއްލަ ޖަޒުބާތުތައް ހިފަހައްޓާނޭގޮތެއް ނޭނގޭ… ފުރަތަމަ ދުވީ އެ މީރު ވަސް، އެއަށްފަހު އެ ސޫރައަކީ އީތަންކަން ޔަޤީންވެއްޖެ… އީތަން އެރޭ ދަމުން ދިޔައީ އަހަރެންގެ ހިތާއި ރޫޙު ހިފައިގެން… އެހިތަށް އަނިޔާވެރިނުވަނީސް އީތަންގެ އަތުން އަހަރެންގެ ހިތް އަތުލުމަކީ ބުއްދިވެރިގޮތް… އެހެންނޫނީ އީތަން ނުލިބި އެކަމާ ކަރުނަ އަޅަން ޖެހިދާނެ، އެހާ ޑެސްޕަރޭޓްވާކަށް ބޭނުމެއްނޫން” ފޯނަށް ބަލަހައްޓައިގެން އިނދެ ޒޫރިން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތިން ފޫހިވެފައި އިންކަން ފާޅުވެއެވެ.

ހެނދުނުގެ ސައިބޯލުމާއެކު ޒޫރިން ވިސްނީ އޭނާ ކިޔަން ގެންގުޅޭ ވާހަކަފޮތްތަކުގެ ހަރުގަނޑަށް ފޮތް އިތުރުކޮށްލުމަށެވެ. އެހެންވެ ރޭޝްމާގެ ގާތުގައި ބުނެގެން ރުފިޔާ ހޯދައިގެން އޭނާ ގެއިން ނުކުންނަން ހިނގައިގަތެވެ.

“ޔަޤީންތަ ދަރިފުޅު އެކަނި ނުގެއްލޭނެކަން، މަންމަ ދަންތަ ރީންއާއެކު” އަތްފުހޭ ފޮތިގަނޑުން އަތްފުހެމުން ބަދިގެ ފަރާތުން ނުކުތް ރޭޝްމާ ބުނެލިއެވެ. އޭރު ޒޫރިން އޭނާގެ އަތް ދަބަސް ހިފައިގެން ކޮޓަރިން ނުކުންނަނީއެވެ.

“މިހާރަކު ނުއެއްގެއްލޭނެ، ފޯނު ވެސް މިއޮތީނު، ގޫގުލްމެޕް އެހީވާނެ އެނބުރި ގެއަށް އަންނަން” ހީނލާފައި ޒޫރިން ބުނެލިއެވެ.

ޒޫރިން ލައިގެން ހުރީ މަޑުފިޔާތޮށިކުލައިގެ ކުރެހުން އަޅާފައި ހުރި ގަޔަށް ވަރަށް ދޫ ޓީޝާޓެއް ކަމަކު، އުޅަންބޮއްޓަށްވުރެ ދެތިން އިންޗި ތިރިއަށް ހުރި އަތް ހުރީ ހިފާލާފައެވެ. އަދި ޓީޝާޓުގައި ހުރި ކުރެހުންތަކާ ގުޅުވާލަމުން ފަޔަށް ހިފާފައި ހުރި ގަދަ ނޫކުލައިގެ ޖީންސުން ޒޫރިންގެ ދިގު ފައިގެ ބައްޓަން ފާޅުވަމުން ދިޔައެވެ. ސިޑިން އެންމެ ތިރިއަށް ފޭބުމާއެކު އޭނާ އާންމުކޮށް އަރާ ސްނީކާރއަށް އެރިއެވެ. އަދި އަތުގައި އޮތް ކަޅުކުލައިގެ ރޭބަން އޭވިއޭޓަރ އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން ގެއިން ނުކުތެވެ.

މަގުގައި ހިނގަމުން ދެފަރާތް ބަލަމުން ޒޫރިން އައެވެ. ފޮތް ފިހާރަތައް ހުންނާނޭ ތަންތަން ސިކުނޑީގެ މެޕުގައި ފާހަގަކުރަމުންނެވެ. ދޭތެރެއަކުން އެއްފަރާތަށް ކޮޅަށް ދާންދެން ދޫކޮށް ގަތާލާފައި އޮތް އިސްތަށިގަނޑުގެ ކޮޅާ ކުޅެލައެވެ. ދުރުން ވެސް ޒޫރިން ފާހަގަވަނީ އޭނާގެ “ބޮލޮންޑު” ކޮށްފައިވާ އޮތް އިސްތަށިގަނޑުންނެވެ. އޭނާއަށް ބަލާލާފައި ރާއްޖޭ ކުއްޖެއްކަމެއް ނޫނީ ޔޫރަފު ހިސާބުން މާލެ އަރައިގެން އުޅޭ ފަތުރުވެރިއެއްކަމެއް މީހަކަށް ވަކިކުރާކަށް ނޭނގޭނެއެވެ. މީހުންނަށް ސަމާލުކަމެއް ދިނުމުގެ ބަދަލުގައި ކޮނޑުގައި ހުރަހަށް އަޅުވާލާފައި އޮތް ދަބަހަށް ސަމާލުކަން ދެމުން ޒޫރިންގެ ނަޒަރު ހުއްޓަމުން އައީ ފިހާރަތަކަށެވެ.

“މަޑުކޮށްބަލަ… ޝޯން…” ޝައުންއާއެކު ކާރުގައި އިނދެފައި އީތަން ބުނެލިއެވެ.

“ކިހިނެއްވީ؟ މީ މަޖީދީމަގޭ، ކިހިނެއްތަ ބޭނުންހާ ތަނަކަށް ކާރު މަޑުކުރާނީ، ތިއުޅެނީ މަގޭ ލައިސަންސު އަތުނުލައިގެންތަ؟” ޝައުން ކުދިކިޔާލިއެވެ. އޭރު ވެސް ކާރު ދިޔައީ އެއްދުވެއްޔައި ދުއްވަމުންނެވެ.

“އެކަމަކު ވެސް މަގުގެ އެއްފަރާތުގައި މަޑުކޮށްލަބަލަ، އަހަރެން ފައިބަންދެން…ފޭބީމަ އެންމެ ރަނގަޅު ޝޯން ދިޔަޔަސް”

“މާއަވަސްއަރުވާލާފައި ކޮންތާކަށްތަ ކުއްލިއަކަށް ދާން ތިއުޅެނީ”

“ކުއްޖަކު ފެނިގެން”

“ތި ޖެހުނީ ތިކުއްޖަކު ބަލަންތާ، އަހަރެން މިހިސާބުން ޕާކުކޮށްލާނޭ ތަންކޮޅެއް ހޯދާނަން، އީތަން ތިބުނާކުއްޖެއް ކައިރިއަށް ގޮސްފައި އަންނަންދެން އަހަރެން މަޑުކޮށްލަ ފާނަން، އަނެއްހެން ލަހެއް ވެސް ނުވޭ، ތަހުސީނުދޮންބެ މިއަދު ބުނި ނެތޭ މުހިންމުކަމެއް” ޝައުން މަގުގެ އެއްފަރާތަށް ކާރު ކައިރިކޮށްލަމުން ބުނެލިއެވެ. އީތަން ވަކި އެއްޗެއް ނުބުނެ އަވަހަށް ކާރުން ފައިބައިގެން މަގުގެ ދެކޮޅު ބަލާލާފައި ދުވެލާފައި މަގު ހުރަސްކޮށްލިއެވެ. އަދި އެވަގުތު އޭނާގެ ފަންއިސްތަށިގަނޑު ނިތްކުރިމައްޗަށް ވެއްޓުމުން އަތުން ރަނގަޅުކޮށްލާފައި ހަލު ހިނގުމެއްގައި ހިނގައިގަތެވެ.

އެސްޓަރސް ފޮތް ފިހާރައިގެ ތެރޭގައި އެކިފޮތް ބަލަމުން ދިޔަ ޒޫރިންގެ ގައިގާ މީހަކު ޖެހުމުން އިސްއުފުލާ ބަލާލިއިރު ދާދި ގާތުގައި ހުރީ އީތަންއެވެ. އޮފީސް ހެދުމުގައި ހުރި އިރު ރޭގައި ފެނުނުހާ އީތަންގެ ޝަޚްޞިއްޔަތު ވަރުގަދަވެފައި ހިތްގައިމެވެ. އެހެންނަމަވެސް ޖަހާފައި ހުރީ ތަފާތު ސެންޓެއްކަން ޒޫރިންނަށް ނަގައިގަނެވުނެވެ. ޒޫރިންނަށް ވާހަކަދެއްކުނީ ހަތަރުކަޅި ހަމަވެފައި ހުންނަތާ އިރުކޮޅެއް ފަހުންނެވެ.

“އޯ! ހާއި!… އީތަން… އީތަން މިތަނުގައި ކީއްކުރަނީ؟…” ޒޫރިންގެ ނަޒަރު އަތުގައި އޮތް ފޮތަށް ހުއްޓާލަމުން ބުނެލިއެވެ.

“ފޮތެއް ބަލާލަން ވަނީ، ޑެސްޓިނީގެ ފޯސް މިހާ ބާރުގަދަ ވާނޭ ކަމަކަށް ހިޔެއްނުކުރަން” އީތަން ހިނިއައިސްފައި ހުރެ ބުނެލީ ޒޫރިން އޭނާއަށް ދިން ޓިޝޫކޮޅުގައިވާ ލިޔުންކޮޅަށް އިޝާރާތްކޮށްފައިކަން ޒޫރިންނަށް އެނގުނެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް ދޭނޭ ޖަވާބެއް ހަމަރަނގަޅަށް ވެސް ނޭނގުނެވެ. އީތަން ގުޅާނޭ ކަމަށް ރޭގައި ޒޫރިން ވަރަށް އިންތިޒާރުކުރިއެވެ. ހެނދުނު ހޭލެވުނު ގޮތަށް ފޯނު ބަލާލެވުނީ ވެސް އެހެންވެއެވެ. ކައިރީ ހުރި ޒުވާނާއަށް ހިތް ދެވިއްޖެކަން ޔަޤީންވާއިރު އެކަން އޭނާއަށް ބޭޒާރުވާކަށް ޒޫރިން ނޭދެއެވެ. އީތަންއާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އަތުގައި އޮތް ވާހަކަ ފޮތް ހަރުގަނޑުގައި ބަހައްޓާފައި އިތުރު ފޮތްތައް ބަލަންފެށިއެވެ.

“ސޮރީ…” ޒޫރިން ނަގަން އުޅުނު ފޮތާއެކު އީތަން، ޒޫރިންގެ އަތުގައި އަތްޖައްސާލާފައި ނިކަން އަވަހަށް ދުރަށް ލަމުން ބުނެލިއެވެ. އެއީ އީތަން ގަސްދުގައި ކުރިކަމެއްކަން ޒޫރިންނަކަށް ނޭނގެއެވެ. އެހެންނަމަވެސް ރޭގައި ފެނުނު ޒޫރިންނާ މިއަދު އީތަންގެ ކުރިމަތީ ހުރި ޒޫރިން ވަރަށް ތަފާތެވެ. އެކަމާ ފުންކޮށް ވިސްނާލަން އީތަންއަށް މަޖުބޫރުކުރުވީ ޒޫރިން ހިނިތުންވެލާފައި އެ ފިހާރައިން ނުކުންނަން ހިނގައިގަތުމުންނެވެ.

މަޑުމަޑުން އީތަން މަގުމައްޗަށް ނުކުމެ ޒޫރިން ދިޔަ ދިމާ ބަލާލިއެވެ. އޭނާ ފަސްއެނބުރި ބަލާލުމެއްނެތި ކުރިއަށް ހިނގަމުން ދިޔައެވެ. ޒޫރިންނަށް ބަލަންހުރެ އީތަން ލުއިގޮތަކަށް ހީނލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ހިނިތުންވެލައިގެން ހުރެ ޖީބުގައި އޮތް ފޯނު ނަގާ ޝައުންއަށް ގުޅާލިއެވެ. އޭނާގެ ކާރު ޕާކުކޮށްފައި އޮތް ތަން ބުނުމުން އީތަން ހިނގާލާފައި ކާރާ ދިމާއަށް އައެވެ.

“ކޮބާ ކިހިނެއްވީ؟ ދިމާވިތަ؟” ކާރުގެ ދޮރުފަތް ހުޅުވާލާފައި އީތަންއަށް ނޭރިގެން އުޅެނިކޮށް ޝައުން ވާހަކަދެއްކިއެވެ.

“ޝޯން، އަހަންނާ އަންހެންކުއްޖަކާ ބައްދަލުވެއްޖެ”

“ތިހެން ނުބުންޏަސް އަހަންނަށް އެހެން ހީވެއްޖެއޭ، ކޮންއިރަކު ކުރަންފެށިކަމެއްތީ؟ ކޮބާ ޖޭޒް، އޭނައަށް ކިހިނެއް ހެދީ، ބްރޭކް ގަތަ” ޝައުން ކާރު ދުއްވާލަމުން ވާހަކަދެއްކިއެވެ. އެމީހުންގެ މިސްރާބު ހުރީ އީތަންގެ އޮފީހާ ދިމާއަށެވެ.

“ޖޭޒް އެބަހުރި… އެކަމަކު ބުނަން، ޖޭޒްއަށް މިހާރު އެއްޗެއް ވިސްނޭނޭހެން ވަރަށް ހީވޭ، ރޭގައި ބޮސް އެދިލައްވައިގެން ދިޔައީ އެއްކަލަ ކައިލަންގެ ބައްޕަ ބޭއްވި ޕާޓީއަކަށް، އެތަނުން ވީގޮތެއް އެނގޭތަ….” އީތަން ޕާޓީގައި ހިނގައިދިޔަ ހުރިހާކަމެއް ޝައުންއަށް ކިޔައިދިނެވެ.

“އެހެންވެއޭ އޭރު ވެސް މަބުނީ އީތަން ކައިރީ އެހެންކަމެއް ކޮށްލަ ބަލާށޭ”

“އާންމުކޮށް ޝޯންގެ ތިހުންނަ ޚިޔާލުތަކާ އަހަރެން އެއްބަސްނުވިޔަސް، މިފަހަރު ހީވޭ މި ކުރެވެނީ ރަނގަޅުކަމެއްހެން، ޖޭޒްއަށް ކައިލަން ކައިރިކޮށްގެން ގެންގުޅެވޭހެން އަހަންނަށް ވެސް ކައިރިކޮށްގެން އަންހެންކުދިން ގެންގުޅެވޭނެ… އެކަމަކު ބުނަންތަ ވާހަކައެއް ޝޯން، މި އަންހެންކުއްޖާ ވަރަށް ތަފާތު… މީހަކު މޮޔަވާހާ ރީތި، އެހެންވިޔަސް އަހަރެން އަޅައިގަންނަނީ އެ ރީތިކަމަކު ނޫން، އޭނާގެ މިޒާޖުގައި އެހުރި ގޮތަކުން، ރޭގައި އެހާ ރުޅި ގަދަވެފައި އިނދެފައި ވެސް ނޭނގެ އެ ރުޅިގަނޑު ދިޔައީ ކޮންތާކަށް ކަމެއް، މަޖާގޮތެއް ހުރޭ އެ އަންހެންކުއްޖާގެ… އެކިފަހަރު އެކި ޕާރސަނަލިޓީ ހުންނަ ހެން ވެސް ހީވޭ، އެހެންވިޔަސް ކައިރީގައި ހުންނަ އިރު ހާސްކަން ފިލާ ދާހެން ހީވަނީ…. ޖޭޒްގެ ގާތަށް އަހަރެން ދިއުމުން އެވާ ގޮތާ ވަރަށް ތަފާތު..”

“މިހާރު އެނގިއްޖެއްޔޭ ތަފާތުކުއްޖެއްކަންތީ، ތި ދެމީހުން ޕާޓީގެ ކުރިން ދިމާވި ވާހަކަ ތިބުނީ، މަށަށް އަންގާ ވެސް ނުލަމެއްނު، އީތަން ވަރަށް ހެއްވާ އިނގޭ… ކީއްވެތަ ނުބުނީ، އަހަރެން އަތުލަފާނެތީތަ؟”

“ނޫން… އެހާ ސީރިއަސްކޮށް އެ އަންހެންކުއްޖާއާ މެދު ނުދެކޭތީވެ ނުބުނެވުނީ، އަހަރެން ބުނީމެއްނު ގުޅެން ބޭނުންވަނީ ޖޭޒްއާއޭ. އެކަމަކު ރޭގައި އެ އަންހެންކުއްޖާ ވަރަށް ސެކްސީ، ނަމަވެސް މިއަދު ހީވަނީ މުޅިން އެހެންކުއްޖެއްހެން، އަހަންނަށް ހީވަނީ އަހަރެން ނުގުޅީމާ ކަންނޭނގެ”

“ބުނަން އީތަން، ސީރިއަސްނޫނިއްޔާ އެކަމަކުން ބޯދަމައި ނުގަނެވޭހާ ފުނަށް ހަރުނުކޮންނާތި، އަދި ވާހަކަތިހުރީ ރަނގަޅަކަށް ނޫން، އީތަން ބޭނުންވަނީ އެ އަންހެންކުއްޖާ މެދުވެރިކޮށް ޖޭޒް ޖެލަސްކުރުވަން، އެކަމަކު މިހާރު ވެސް ހީވަނީ ޖޭޒްއަށްވުރެ އެކުއްޖާ އީތަންއަށް ޚާއްޞަވެއްޖެހެން، އެއްފަހަރާ ދެބުޅި ޖެހިޔަކަސް ނިމުނީއެއްނޫން، ތިމާގެ ގައިގާ ވެސް ނިކަން ބާރު ހުންނަން ޖެހޭނެ، އެހެންނޫނީ ދެ މީދާ ފެހި ބުޅަލަށްވީވަރު އީތަންއަށް ވާނީ” ހީނލާފައި ޝައުން ބުނެލިއެވެ.

“ހޫން! ހޫން! ދެން ހެޔޮ… މިހާރު ވަރަށް ލަސްވެއްޖެ” ޝައުންގެ ވާހަކައަށް ޖަވާބެއް ދޭން އީތަން ބޭނުންނުވާތީ އެކަން ފޫބައްދާލުމަށް ބުނެލިއެވެ.

“މަށަށް އީތަންގެ ޖޭޒް ނުދައްކާ ހުއްޓާ ދެވަނަ އަންހެންކުއްޖާ ތި ހޯދަނީ” ޝައުން ކަމެއް ހަނދާންކޮށްލަދޭ ފަދައިން ބުނެލިއެވެ.

“އެކަން ވެސް އަދި ނުވެފައެއްނެތެއްނު، އެންގޭޖްމެންޓާ ހަމައަށް ދެވުނީމާ އެވީ ޝޯންއާ ޖޭޒް ބައްދަލުކޮށްދެން”

“މައްސަލައެއްނެތް، އިޓްސް އަ ޑީލް… އީތަންގެ އެންގޭޖްމެންޓު ފައިނަލްވާ ދުވަހު އެންމެ ފުރަތަމަ ތި ދެމީހުން އަންނަންވާނީ އަހަރެންގެ ގާތަށް. އެހެންނޫނީ ތި ޖޭޒްއެއްގެ ކައިރިއަށް އަހަރެން ގޮސްހުއްޓައި އީތަންއަށް ޚަބަރު ލިބޭނީ”

“އޭނަ އޯކޭވިހާ އަވަހަކަށް ހުރިހާ ކަމެއް ނިންމަންވަންވީ، އެކަމަކު މިފަހަރު ބޭނުންވަނީ ޖޭޒް ކުޑަކޮށް ތަޅުވާލާފައި ހުރިހާ ކަމެއް ނިންމާލަން، އޭރުންތާ އެނގޭނީ ލޯބިވާވަރެއް ވެސް ދޯ… ކައިލަންގެ އުނދަގުލުން ސަލާމަތްވާން އަސްލު ބޭނުންވަނީ” އީތަން ކުރިމަތިން ފެންނަން އޮތް މަގަށް ނަޒަރު ހުއްޓާލިއެވެ.

“އަންހެންކުދިން ނިކަން އަވަހަށް ޖެލަސްވާނެ، އެހާ ޝައްކު ވެސް ބޮޑުވާނެ… ތި ކަހަލަ ގޮތަކަށް ތިކަން ހަމައަކަށް އެޅޭނީ” ޝައުން މިހެން ބުނިއިރު އީތަން މަސައްކަތްކުރާ އޮފީސް ހިންގާ އިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލަނީއެވެ.

އެކުވެރިޔާއާ ވަކިވެގެން އީތަން އިމާރާތުގެ ތެރެއަށް ވަދެގެން އައެވެ. އޭނާ އޮފީހަށް ވަންއިރު އެންމެންހެން ކަހަލަ ގޮތަކަށް އޮފީހުގައި ހަމައެވެ. އެމީހެއްގެ މަސައްކަތައިގެން ހޭބޯނާރާ އުޅެއެވެ. މީހަކަށް ބަލާލުމެއްނެތި އީތަން ވެސް އައިސް އޭނާގެ މޭޒުގެ ދޮށުގައި އިށީނެވެ. އަދި އޭނާ އޮފީހުގައި އެބައުޅެންކަން ނުފައިލަށް އަންގާލިއެވެ.

* * * *

ހިތްއަވަސްވެފައި ހުރެ ހިނގަމުން މާދުރަށް ދެވުނުކަން ޒޫރިންނަށް އެނގުނީ އިރުކޮޅެއްފަހުންނެވެ. ފަހަތަށް އެނބުރި ބަލާލުމާއެކު ފުންނޭވާއެއް އޭނާ ލިއެވެ. ހުރެވުނު ހިސާބާމެދު އޭނާ ވިސްނާލާފައި ސިކުނޑީގެ ޗާޓުގައި ފާހަގަޖަހާލިއެވެ. އަދި ދެންދާންވީ މިސްރާބު ކަނޑައެޅިއެވެ. ކުރިއަށްވުރެ މަޑުހިނގުމެއްގައި އެކި މަގުތަކުން ތަފާތު ގޯޅިތައް އަޅަމުން އައިސް ނޮވެލްޓީ ފޮތްފިހާރައަށް އޭނާ ވަނެވެ. މަޝްހޫރު އެކި މީހުންގެ ވާހަކަތައް ހުރި ހަރުގަނޑުތައް ބަލަމުން އައިސް “R.K Lilley” ގެ ވާހަކަ ފޮތެއް ޒޫރިން ނެގިއެވެ.

“ބްރޭކިންގ ހިމް…” ފޮތުގެ ބޭރުގަނޑަށް ބަލަހައްޓައިގެން ހުރެ ވާހަކައަށް ދީފައި އޮތް ނަން ޒޫރިން ކިޔާލިއެވެ. އަދި ފޮތުގެ ފަހަތުގައި ލިޔެފައި އޮތް ވާހަކައިގެ ކުޑަ ޝަރަޚަ ކިޔާލުމާއެކު ފޮތް ހިފައިގެން ފައިސާދެއްކުމަށްޓަކައި ހިނގައިގަތެވެ.

ފޮތްފިހާރައިން ނުކުމެ މަގުގެ ދެކޮޅު ބަލާލާފައި ޒޫރިން ހިނގައިގަތީ ގެއަށް ދިއުމަށްޓަކައެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިން އީތަންގެ ޚިޔާލު ނުކުމެގެން ނުދިޔައެވެ. އިތުރަށް ވާހަކަފޮތް ހޯދުމުގެ ޝައުގުވެރިކަން ގެއްލުނީ ވެސް އީތަންއާ ހެދިއެވެ. މާލެއަކީ ކުޑަތަނެއްކަން ޒޫރިންނަށް ވެސް އެނގެއެވެ. އެހެންނަމަވެސް މަގުމައްޗަށް ނުކުތުމާއެކު އީތަންއާ ދިމާވެދާނެއޭ ކުޑަކޮށް ވެސް ޒޫރިންގެ ހިތަކަށް ނާރައެވެ. އެވެސް ޚާއްޞަކޮށް އީތަން އޭނާއަށް ގުޅަން ބޭނުންނުވެފައި ހުއްޓައެވެ. އީތަންގެ މިޒާޖުނޭނގޭއިރު އޭނާގެ ހަރަކާތްތައް ދެނެގަތުމަކީ ފަސޭހަކަމެއް ނޫންކަން ޒޫރިންގެ ޟަމީރު ވިސްނައިދޭން ފެށިއެވެ. އެހިނދު ކުއްލިއަކަށް ތަފާތުކަމެއް ފާހަގަކުރެވިގެން ސިކުނޑީގެ ތަންކޮޅެއް ދިއްލުނު ކަހަލައެވެ. ދެ ލޯ ބޮޑުކޮށްލަމުން ސިކުނޑިއަށް ބާރުލާ ވިސްނަންފެށިއެވެ. އަދި އަމިއްލަ ނަފްސާ ޒޫރިން ވާހަކަދައްކަންފެށިއެވެ.

“އޭނަ އަނެއްކާ އަހަންނަށް ފާރަލަނީތަ؟ އީތަން… އީތަން އެ ފޮތްފިހާރައަށް ވަނީ ފޮތެއްގަންނަންހެން ހާދަ ހީނުވެޔޭ… އަނެއްކާ އަހަރެން ފެނިގެންބާ އީތަން އެތަނަށް ވަންނަން އައީ، ލާފައި ހުރި ހެދުމުން އޮފީހެއްގައިކަން އުޅެނީ ޔަޤީން، އޮފީހުގައި އުޅޭ މީހުން ހެނދުނު ގަޑީގައި ފޮތްފިހާރަތަކުން، އެވެސް ވާހަކަފޮތެއް ގަންނާކަށް ނޫޅޭނެ، އެހެންވީމަ އީތަން ދޮގެއް ހެދީކަމަށް އެވާނީ، އޭނާއަށް އަހަރެން ފެނިގެން ފަހަތުން އަންނަން އެނގުނު އިރު ކީއްވެބާ ދެން ގުޅަން ބޭނުންނުވީ”

ޒޫރިން ސިކުނޑިއަށް ކިތަންމެ ބާރެއް ލިއެއްކަމަކު ހުރިހާ ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. ޚިޔާލުގައި ހުރެ ގެއަށް އާދެވުނު ގޮތެއް ވެސް ޒޫރިންނަކަށް ނޭނގެއެވެ.

* * * *

އޮފީހުން ސަލާމަތްވެގެން އީތަންއަށް ގެއަށް އާދެވުނީ ހަވީރު ފަހެއް ވެސް ޖެހިފަހުންނެވެ. ހެންވޭރު އޯކިޑުވިލާގެ ދޮރޯށި ހުޅުވާލަފައި ވަދެގެން އައިސް ސިޓިން ރޫމުދޮރުމައްޗާ އަރާ ހަމަވިއިރަށް ދިގު ސޯފާގައި ސުފިޔާނު އިންތަން އީތަންއަށް ފެނުނެވެ. އެއާއެކު މީހާ ސަމާލުކަމަށް އައި ފަދައެވެ. އަރައިގެން ހުރި ބޫޓޫ ބާލާ ހަރުގަނޑުގައި ރީތިކޮށް ބަހައްޓާފައި އެތެރެއަށް ވަދެގެން އީތަން ދިޔައެވެ.

“އީތަން…” ސުފިޔާނު ގޮވާލި އަޑާއެކު އީތަން ހުއްޓުނެވެ. ހަމަ އެހިނދު އޭނާގެ ދެލޯމަރާ ބާރުކޮށްލުމާއެކު މޫނަށް ވައްތަރެއްޖައްސާލިއެވެ. ހީވީ ސުފިޔާނު ހިތްހަމަނުޖެހޭ ގޮތަކަށް އީތަންއަށް ކަމެއް ކުރެވިގެން ހުއްޓުނު ހެންނެވެ. މަޑުމަޑުން ފަސްއެނބުރި ސުފިޔާނުއާ ކުރިމަތިލިއެވެ.

“މަންމަ އާއި މާމަ، އީތަން އެބަ ހޯދާ… އެންމެން ވެއްޖެ ބަދިގެފަރާތުގައި، އެކަމަކު ބުނަން، ތި ހެދުން ބަދަލުކޮށްގެން ދެފަޔާ އަތާ ދޮވެގެން އެފަރާތަށްދާނީ” ސުފިޔާނު ބުނެލީ އާދައިގެ ގޮތަކަށް ކަމަށްވިޔަސް އީތަންއަށް ހީވީ އޭނާގެ ބައްޕަ އަމުރެއް ކުރި ހެނެވެ. “ލައްބަ”އޭ ބުނެ ނިކަން އަވަސް ފިޔަވަޅުގައި ކޮޓަރިއާ ދިމާއަށް ދިޔައީ ދެވަނަ ފަހަރަށް ހުއްޓުވުމުގެ ކުރިން އަވަހަށް ކޮޓަރިއަށް ވަދެވޭތޯއެވެ.

ސުފިޔާނު ބުނިހެން އީތަން އޮފީސް ހެދުން ބަދަލުކޮށްލައިގެން ބަދިގެފަރާތަށް އައެވެ. އޭރު ދެތިންމީހަކު ވާހަކަދައްކާއަޑު ބަދިގެ ފަރާތުން އިވެމުން ދިޔައެވެ. ދޮރުމައްޗަށް އައިސް ހުއްޓުނުތަނާ އީތަން ދިޔައީ ސިހިގެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ދޮރުމަތީ ހުއްޓާ ރާބިއާ ވާހަކަދައްކަން ފެށިއެވެ.

“އީތަން، ބަލާބަލަ މީނީ ކޮންކުއްޖެއްކަން އައިސް، ދަރިފުޅު ހޯދަން އައީމަ މި އިނީ ނުފޮނުވާ ބައިންދާފައި، މާމަ ބުނީމޭ މިގަޑީގައި އީތަން އަންނާނެއޭ އޮފީހުން” ހިނިއައިސްފައި އިން ރާބިއާ ބުނެލިއެވެ.

“އީތަންގެ ފޯނަށް ކިހިނެއްތަ ހަދައިގެން ތިއުޅެނީ، ޖަޒްލާ ވަރަށް ގިނަ ފަހަރު ދަރިފުޅަށް ގުޅައިފި، އާދޭ އިށީންނަން، ސައިހަދަންތަ؟ ނޫނީ ކޮފީ ގެންނަންތަ؟” ފަހަތަށް ދާމާލި ގޮނޑިން ހަމްރާ ތެދުވަމުން ބުނެލިއެވެ.

އެއްވެސް މީހެއްގެ ސުވާލަށް ޖަވާބުދިނުމެއްނެތި އީތަން އައިސް ކާމޭޒުދޮށުގައި އިށީނެވެ. އޭރު އޭނާގެ ނަޒަރު ހުރީ ޖަޒްލާއަށް ހުއްޓިފައެވެ. އެކިކުލަކުލައިގެ ރޮނގުދަމާފައި ހުރި އަތްދިގު ގަމީސްކޮޅަކާއި ކަޅުކުލައިގެ ހިމަ ޖިންސުގައި ޖަޒްލާ އިން އިރު އޭނާއަކީ ނިވާކަންބޮޑުކޮށް ހެދުން އަޅަން އިސްކަންދޭ އަންހެންކުއްޖެކޭ ހީވެއެވެ. އާންމުކޮށް ފެންނައިރު ފުނާނާޅާ ތަރުތީބުގެއްލިފައި އޮންނަ ޖަޒްލާގެ ބުޅި އިސްތަށިގަނޑު އޮތީ ނިކަން ރީތިކޮށް ހަދާލާފައެވެ. ދެފަރާތަށް ބައިކޮށްލުމާއެކު އިސްތަށިތައް އޮޅިފައި ހުރީ މީހަކު ވަރަށް ބަލައިގެން ތަރުތީބުކޮށްފައި ހުރި ފަދައިންނެވެ. ކޮންމެއަކަސް ޖަޒްލާ އައިސް އެ އިނީ އީތަންގެ މައިންބަފައިންނާ ބައްދަލުކުރަން ވަރަށް ތައްޔާރުވެގެންކަން ޚުދު އީތަންއަށް ޔަޤީންވިއެވެ. ޖަޒްލާ ހިނިތުންވެލައިގެން އިނދެ އީތަންއަށް ބަލާލިއެވެ. ނަމަވެސް އީތަންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.

“އަހަރެން މިއައީ އީތަންއާ ކޮންމެހެން ވެސް ދައްކާލަން ޖެހޭ ވާހަކައެއް އޮވެގެން” ޖަޒްލާ ހަމަޖެހޭގޮތް ދައްކަމުން ހިނިތުންވެލައިގެން އިނދެ މަޑުމަޑުން އީތަންގެ ގާތުގައި ބުނެލިއެވެ.

“ކިހިނެއްވެފަ ތި އިންނަނީ؟ ހާދަ ބަސްމަދުވެފައި…” ހަވީރަށް ސައިބޯން ތައްޔާރުކޮށްފައި ހުރި އެއްޗެހި ތަށްޓަކަށް އަޅައިގެން ގެނެސް އީތަންގެ ކުރިމަތީ ބަހައްޓަމުން ހަމްރާ އަހާލިއެވެ.

“އަހަރުމެން މިތަނުގައި ތިބީމަ ކަމަކު ނުދާނެއެއްނު، ހަމްރާ… އެ ސޮރުގެ ކޮފީތަށި އަވަހަށް ގެނެސްފައި މިތަނުން ހިނގާ ދަމާ” ރާބިއާ ބުނެލިއެވެ.

“މަންމާ، ކޮފީ ބޯކަށް ބޭނުމެއްނޫން… ފެންފޮދެއް ބޯލާނީ” އީތަން ބުނެލިއެވެ.

“ކޮބާ! އަވަހެއްނު އަހަރުމެން މިތަނުން ފޮނުވާލަން އުޅޭލެއް” ލާނެތްކަން އެކުލެވިގެންވި ރާގެއްގައި ރާބިއާ ބުނެލިއެވެ. އަދި ހަމްރާއާ ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހޭންފެށިއެވެ.

ރާބިއާ އާއި ހަމްރާ ބަދިގެ ފަރާތުން ނުކުމެގެން ދިއުމުން ކުރިމަތީގައި ހުރި ތަށިން ފިޝްބަންއެއް ނަގާ އީތަން ކާންފެށިއެވެ. އޭނާ ޖަޒްލާއަށް ބަލާލުމުގެ ބަދަލުގައި ނަޒަރުހުއްޓާލައިގެން އިނީ އަތުގައި އޮތް ފިޝްބަންއަށެވެ. ބޭނުންވީ ޖަޒްލާއަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތްކަން އަންގާށެވެ.

“އީތަން ޕްލީޒް…” އީތަންގެ ހަރަކާތްތައް ހުރިގޮތުން ކެތްނުކުރެވިގެން ޖަޒްލާ ބުނެލިއެވެ.

“އަހަރެން ހަނދާނެއްނުވޭ ޖޭޒް ގާތު މިގެއަށް އަންނަން ބުނެވުނު ހަނދާނެއް” އިސްއުފުލާ ބަލާލުމެއްނެތި އީތަން ބުނެލިއެވެ.

“އީތަން ބޭނުންވެއެއްނު އަހަރެން މިގެއަށް އަންނަން، އެހެންނޫނަސް އަހަރުމެން ދެމީހުންގެ ގުޅުމަކީ ދެ ޢާއިލާއަށް ވެސް އެނގޭ ކަމެއްނު”

“ދެ ޢާއިލާއަށް އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އެނގޭއިރު އަދިވެސް އަހަންނަށް މި ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަމެއް ނޭނގޭ، އަހަރެން ޖޭޒް ގާތުގައި އެންމެ ކަމަކު ކިޔައިގެން އެކަންނުވި، އެހެންނޫނަސް އަހަރެން ހަމަ ހުރެފައި ކައިލަންގެ ނަން ކީއެއްނޫން، އަހަރެންގެ ލޮލަށް ކަންކަން ފެންނާތީ އެހެން ބުނީ”

“އެހެންވެ އެކަމާ ބަދަލު ހިފަންތަ އީތަން އައު ރަޙުމަތްތެރިއަކު ހޯދައިގެން ތިއުޅެނީ، ކައިލަންއަކީ އަހަރެން އީތަން ޖެލަސް ކުރުވާކަށް ގެންގުޅޭ މީހެއްނޫން، އޭނާ އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އެހާ ޒަމާންވީ އެކުވެރިކަމެއް ކުއްލިއަކަށް ކަނޑާލާނީ ކިހިނެއް، އީތަންއަށް ކީއްވެތަ ނުވިސްނެނީ، އަހަރެން ހުވާ ވެސް ކޮށްފާނަން… އަހަރެންގެ ހިތުގައި ކައިލަންއާ މެދު އެކުވެރިކަން ފިޔަވާ އިތުރު ފީލިންގއެއް ނެތް، ކައިލަން އަބަދު ވެސް އަހަންނާ އެހާ ކްލޯސްކޮށް އުޅެނީ، އަހަރެން ޤަބޫލެއްނުކުރަން ކައިލަން އަހަރެންގެ ހެދުމުގެ ފަހަތު ޒިބު އަޅުވާލަ ދިނުމަކުން އޭނާ އެކުރީ ގޯސްކަމެއްކަމަށް، ކައިލަންއަކަށް ނޯންނާނެ އަހަރެންގެ ހަށިގަނޑުން ފެނިގެން ނުވާނެ ތަނެއް ފެނިފައެއް…. އައިއެމް ނޮޓް ލައިކްދެޓް.. އަހަންނަކީ އެހާ ޗީޕް އަންހެންކުއްޖެއްނޫން. ކީއްވެތަ އީތަންއަށް ނުވިސްނެނީ އަހަރެން ލޯބިވަނީ އީތަންދެކެ ކަމެއް. އަހަރެން ބޭނުންވާގޮތަށް އީތަން ވެސް ހަދަނީއެއްނޫން. އެކުވެރިންނަށް ބޭނުންނުވާނެ ދުވަހެއް ނާންނާނެ، އަހަންނަށް އެހީތެރިކަމެއް ބޭނުންވާ ދުވަހަކުން އެހީވާނެ ހަމައެކަނި ރަޙުމަތްތެރިއަކީ ކައިލަންކަން އަހަންނަށް އެނގޭ. އަހަރެން އުމުރުން މިހާ ދުވަސްވީއިރު ދުވަހަކު ވެސް މީހަކަށް މިވަރަށް ކަމެއް އެކްސްޕްލެއިން ކޮށްދޭކަށް މަސައްކަތެއް ނުކުރަން. އަހަންނެއްނޫން ގޮތްދޫނުކުރަނީ…”

“ޖޭޒްއަށް ޖޭޒްގެ ރަޙުމަތްތެރިން، އަހަރެންގެ ރަޙުމަތްތެރިންނަށް ވެސް މީގެ ފަހުން ޖޭޒް އެއްޗެއް ބުނެގެންނުވާނެ، އަހަރެން ވެސް އަހަރެންގެ ރައްޓެހިންނަށް ވަގުތުދީގެން އުޅޭނީ، އެގޮތް ކިހިނެއްވާނީ… އޭރުން މިހެން ޒުވާބުކުރާކަށް ނުޖެހޭނެއެއްނު، އެކަމަކު ބުނަން، ދެން މީގެ ފަހުން މިގެއަށް ޖޭޒް އަންނަންޖެހޭނީ އަހަންނަށް އެނގިފައި”

“ކުޑަކުއްޖަކަށް ވެސް އަހަރެން މިދެއްކި ވާހަކަ މިހާރު ވިސްނޭނެކަން ޔަޤީން، ކައިލަންއަކީ އީތަން ތިގެންގުޅޭ އަންހެންރައްޓެހިން ކަހަލަ މީހެއްނޫން، އީތަންއަށް އެނގޭނީ އީތަން އުޅޭނެގޮތެއް، އެކަމަކު އަހަރެން އީތަން ދުލެއްނުކުރަން، މި ދެމެދުގައި އޮތް ގުޅުން ނިންމާލާނީ ވެސް ޚުދު އީތަން އަމިއްލައަށް، އެހެން ނުބުނާހާ ދުވަހަކު އަހަރެން އީތަންއަށް ގުޅަން ވެސް ގުޅާނަން، މެސެޖު ވެސް ކުރާނަން، އަހަރެން ބުނެފިއްޔާ ކައިރިއަށް އަންނަން ވެސް ޖެހޭނެ…”

އީތަން އަނގައިން ނުބުނެ އިރުކޮޅަކު އިނދެފައި ޖަޒްލާއަށް ބަލާލިއެވެ. އޭރު އޭނާގެ އަތުގައި އޮތް ޓީޝޫކޮޅަކުން ލޯ ފުހެނީއެވެ. އިތުރަށް ބުނަންވީ ކީކޭކަމެއް އީތަންއަކަށް ނޭނގެއެވެ. ޖަޒްލާ ދެރަވުމުން އޭނާ ވެސް ދެރަވެއެވެ. އެކަމަކު ކައިލަންއަކީ ޖަޒްލާގެ އެންމެ ގާތް އެކުވެރިޔާއޭ ބުނެ އޭނާއާ ވަކިވާންޖެހޭވަރު ކަމެއް ނުކުރާނަމޭ ތަކުރާރުކޮށް ޖަޒްލާ ބުނަމުންދާތީ އެކަމާ އީތަން ހިތްހަމަނުޖެހެއެވެ.

“ދެން ހިނގާ ގެއަށްދާން، ބައްޕަ އުޅުއްވާއިރު އެހާ ގިނައިރު މިހެން ތިބުން ރަނގަޅެއް ނުވާނެ” ފެންތަށި ބޯލާފައި މޭޒުމަތީ ތަށި ބަހައްޓަމުން އީތަން ބުނެލިއެވެ. މިފަހަރު އޭނާ ވާހަކަދެއްކީ އާންމުކޮށް ޖަޒްލާއާ ވާހަކަދައްކާ މަޑުމައިތިރިކަންމަތީއެވެ.

“ދަނީއޭ ބުނެފައެއްނު ދާންވާނީ” ޖަޒްލާ އިސްޖެހިފައި އިނދެ މަޑުމަޑުން ބުނެލިއެވެ.

“މަންމަ އާއި މާމަ ތިބޭނެ ސިޓީންރޫމުގައި، އާދޭ…” އީތަން ބަދިގެ ފަރާތުން ނުކުންނަން އައެވެ. އޭނާގެ ފަހަތުން ޖަޒްލާ އައެވެ.

“މާމާ، އަޅުގަނޑު އަންނާނަން ޖޭޒް ގެއަށްލާފައި”

އީތަންއަށް ސިޓިންރޫމުގައި ރާބިއާ އާއި ހަމްރާގެ އިތުރުން ސުފިޔާނު އިންތަން ފެނުނެވެ. އެމީހުންގެ އިތުރުން އެތަނަށް އެވަގުތު އީތަންގެ ދައްތަ އައިނީ ވެސް ނުކުތެވެ. އޭނާ ޖަޒްލާއާ ގަޔާނުވިއެއްކަމަކު ފެނުމުން ގޮވާލިއެވެ.

“އާން! އަވަހަށްދޭ، އިރުއޮއްސި މުޅިން އަނދިރިނުވަނީސް ގެއާ ހަމައަށް ދެވޭތޯވާނެ ބަލަންވާނެ” ރާބިއާ ބުނެލިއެވެ.

“މަންމައަށް ސަލާމްބުނައްޗޭ! އަދި ވާނެ އެހެންދުވަހަކުން މިގެއަށް އަންނަން” ހަމްރާ ސޯފާއިން ތެދުވެން އީތަން އާއި ޖަޒްލާއާއެކު ދޮރޯށި ދޮށަށް ނުކުތެވެ.

ގެއާ ހަމައަށް އާދެވެގެންދެން ޖަޒްލާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ގޭ ދޮރޯށި ހުޅުވާލުމުން އީތަން އެނބުރި އައިކޮޅަށް ދިއުމަށް އުޅުނެވެ. އެވަގުތު އީތަންގެ އަތުގައި ޖަޒްލާ ހިފިއެވެ.

“އެތެރެއަށް ނުވަންނާނަންތަ؟”

“މިރެއަކު ނޫން… މާދަމާ އަންނާނަން” ޖަޒްލާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އީތަން ބުނެލިއެވެ. އެވަރުން ޖަޒްލާގެ ހިތްހަމަޖެހުނެވެ.

ޖަޒްލާ އެތެރެއަށް ވަދެގެން ދަންދެން ދޮރޯށި ކައިރީ އީތަން ހުރެފައި ހިނގައިގަތެވެ. އޭނާ އެނބުރި އައީ ގެއަށެވެ. ނަސީބަކުން ދެ ނަމާދުދޭތެރެއަށް ވާތީ އެވަގުތު ސިޓިންރޫމުގައި އެކަކު ވެސް ފެންނާކަށްނެތެވެ. އީތަން އައިސް އޭނާގެ ކޮޓަރިއަށް ވަންގޮތަށް ދޮރުލައްޕާ ތަޅުލުމަށްފަހު ލައިގެން ހުރި ޓީޝާޓު ބާލާފައި އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ޖިންސުގެ ޖީބުގައި އޮތް ފޯނު ނެގީ ވެސް އެހެންއޮވެއެވެ. ބޯއަޅާ ބާލީސް ކައިރީ ފޯނު ބާއްވާލާފައި އިތުރު ބާލީހެއްނަގާ މޭދަށަށް ކުޑަކޮށް ލައްވާލަމުން އެއްއަތުން އޭގައި ބައްދާލާފައި ދެ ލޯ މަރާލިއެވެ.

“އީތަން… އީތަން…. އީތަން ދަރިފުޅާ…” ނިދީގައި އޮތް އީތަން ލޯހުޅުވާލި އިރު ދޮރުގައި ޓަކިދެމުން އޭނާއަށް ގޮވަނީ ހަމްރާއެވެ. އަވަހަށް ބާލީސްދަށަށް އަތްކޮށްޕާލުމާއެކު ފޯނު ނަގާ ބަލާލިއެވެ.

“ވަޓް…  ދިހައެއްޖެހީތަ؟” ތަންމިނަށް ލޯ ހުޅުވާލާފައި އީތަންއަށް ބުނެލެވުނެވެ. އަދި އެނދުން ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.

“ނުވެސް ކަންތަ؟ ދަރިފުޅު ގެއަށް އައިކަން މިއެނގުނީ ކޮޓަރީ ދޮރުގައި ހިފާލުމުން، މިގަޑީގައި ނިދާފައި ރޭގަނޑު ހަތަރުދަމު ދެން ހޭލާ ދޯ އުޅެނީ، ބައްޕަ އައްސަވައިފި އީތަން ކޮބައިތޯ”

“އިރުކޮޅަކުން އަޅުގަނޑު ކާން ދާންނަން، ހުރިހާ ތަށިތައް ނޭތުރިޔަސް އަޅުގަނޑަށް ވަކިން އެއްޗެހި ބަހައްޓަނިކޮށް ރަނގަޅުވާނެ، އެ ބޭރު މީހާ އުޅޭނެއެއްނު” އީތަން މިހެން ބުނުމުން ހަމްރާ ބޯޖަހާލާފައި ހިނގައިގަތެވެ.

ދޮރުލައްޕާފައި އީތަން އައިސް އެނދުގައި އޮށޯތެވެ. އެހެން އިރުކޮޅަކު އޮވެފައި ތެދުވެގެން ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ތާޒާވެލައިގެން އައިސް ކާމޭޒު ދޮށުގައި އިށީން އިރު ގޭގައި ގެންގުޅޭ މީހާ ބަދިގެއިން ނުކުންނަނީއެވެ. އެހެންނަމަވެސް އީތަން ފެނުމުން އަނެއްކާ އެނބުރި އައިސް ވަނެވެ.

“އަހަރެން ކައިގެން ގޮވާނަން” އީތަން މިހެން ބުނެލީ އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް މޭޒުމައްޗަށް ނަގާފައި ހުރީމައެވެ. އޭނާ ކައިނިމެންދެން ހަމްރާ އާއި ރާބިއާ އިންނަ އުސޫލުން ގޭގައި މަސައްކަތްކުރާ މީހާ އިންނަން އީތަން ބޭނުންނުވީއެވެ.

އުލާ ސަމްސަލުން ކަމުން ދިޔައިރު ދޭތެރެއަކުން ފޯނަށް ބަލަމުން ދިޔައެވެ. ޝައުން ވެސް ގުޅާފައި ނެތުމުން ގެއިން ބޭރަށް ނުކުންނަން އީތަން ވެސް ބޭނުމެއްނުވިއެވެ. އެހެންވެ އޭނާ މިރޭ ބޭނުންވަނީ ގޭގައި މަޑުކޮށްލާށެވެ.

* * * *

ނިދަން ބޭނުންވިޔަސް ޒޫރިންއަކަށް ނުނިދުނެވެ. އެއްފައިމައްފަށް އަނެއްފައި ލައިގެން ހަލުވާލަހަލުވާލާ އޮތްއިރު އޭނާ މިއަދު ގަތް ވާހަކަ ފޮތް އަތުގައި އޮތެވެ. ވާހަކައަށް ވެސް ޝައުގުވެރިކަމެއް ނުދެވެއެވެ. އެހެންނަމަވެސް ގަދަކަމުން އެކަން ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އަޑުއަހާނޭ މީހަކު ނެތް ނަމަވެސް އަޑުވީއްލާ ވާހަކަ ކިޔަމުން ދިޔައެވެ. އެހެން އޮއްވައި ކުއްލިއަކަށް އަރިމަތީ ކުޑަކަބަޑުގެ މަތީން ޒޫރިންގެ ފޯނު ތެޅިލުމާއެކު މެސެޖެއް އައި އަޑުއިވުނެވެ. އަތުގައި އޮތް ވާހަކަފޮތް ލައްޕާލުމާއެކު ކުރުއަތްމައްޗަށް ޒޫރިން ތެދުވެލިއެވެ. އަދި ފޯނަށް މެސެޖުކޮށްފައި އޮތީ ޒޫރިން އަތުގައި ނެތް ނަންބަރަކުންނެވެ. އެހެންނަމަވެސް ޒޫރިންގެ ހިތުގެ ހިނގުން އަވަސްވިއެވެ. ވާހަކަފޮތް އެއްފަރާތްކޮށްލުމާއެކު ފޯނަށް ސަމާލުވެލިއެވެ.

“ނިދަނީތަ؟” ފޯނަށް އައިސްފައި އޮތް މެސެޖަށް ޒޫރިން ބަލަން އޮތެވެ. އަދި ރައްދުފޮނުވާލީ ތީކާކުތޯ ލިޔެލާފައެވެ. އެހެންނަމަވެސް އެއީ ކާކުކަން ޒޫރިންނަށް އެނގޭ ކަހަލައެވެ. ހީކުރެވޭ ހީކުރުން އިތުރަށް ޔަޤީންކޮށްލުމުން ނަފްސަށް ލިބޭ އިތުބާރު ބޮޑުވާނެއެވެ.

“ފޯނު ނަންބަރު ދިނީ ގުޅާކަށް ނޫންތަ؟ އަހަރެންގެ ކޯލަށް އިންތިޒާރު ކުރާނެކަމުގައި ނުބުނަންތަ؟” ޒޫރިންގެ ރައްދު މެސެޖުކުރާ ފަރާތަށް ލިބުމާއެކު އަނެއްކާ ވެސް ޒޫރިންނަށް މެސެޖެއް ލިބުނެވެ. މިފަހަރު މެސެޖުގައިވާ އެއްޗެއް ކިޔާލަކިޔާލާ ޒޫރިންނަށް އިނދެވުނީއެވެ. ސިކުނޑީގައި ސުވާލެއް އެނބުރިގަތުމުންނެވެ. އޭނާއަށް މެސެޖުކުރަނީ އީތަންއެވެ. އޭނާ ނޫން އެހެންމީހަކަށް ޒޫރިންގެ ނަންބަރެއް އޭނާ ނުދެއެވެ. އެކަމަކު މިހާރު އީތަން ގުޅަން ނިންމީ ކީއްވެބާއެވެ. މިއީ ޒޫރިންގެ ސިކުނޑި އޭނާއާ ކުރާ ސުވާލެވެ. ފޯނަށް ބަލަމުން ޒޫރިން ތެދުވެ އެނދުގެ ހެޑުބޯޑުގައި ލެނގިލިއެވެ. އެހެން އިންދާ މެސެޖުކުރާ ނަންބަރުން ޒޫރިންނަށް ގުޅަން ފެށިއެވެ.

“ހެލޯ…” އީތަންގެ ބޭނުމަކީ ކޮބައިކަން ނޭނގުނެއްކަމަކު އޭނާއާ ވާހަކަނުދައްކާ އިނުމަކީ ޒޫރިންގެ ހިތަށް ކެތްވާނޭ ކަމެއްނޫނެވެ. އެއްވެސް ވިސްނުމަކާނުލާ ފޯނުކޯލަށް ޖަވާބުދޭން ކަންފަތާ ފޯނު ކައިރިކޮށްލެވުނީ އެހެންވެއެވެ.

“ނުނިދާ ކީއްކުރަނީ؟” އީތަންގެ އަޑު ފޯނުން ފުރޭނިގެން އައިސް ޒޫރިންގެ ކަންފަތުގައި ޖެހުމާއެކު ތުންފަތުގައި މާނަފުން ހިނިތުންވުމެއް ދުވެލިއެވެ. ލޯމަރާލި ގޮތުން ހީވީ އީތަންގެ ސޫރަ ލޯކުރިމަތިން ޒޫރިންނަށް ސިފަވީހެނެވެ. ދުނިޔެވީ ހުރިހާ ކަމެއްގެމަތީން ޒޫރިން ހަނދާންނެތުނެވެ. ހިނިއައިސްފައި އީތަންއާ ވާހަކަދައްކަންފެށިއެވެ.

“މިއަދު ގަތް ވާހަކަ ކިޔޭތޯ އުޅުނީ، އީތަން ވެސް ވާހަކަ ކިޔަން ދޯ. އޮފީހުގައި އުޅެފައި އެގަޑީގައި ވާހަކަފޮތެއް ހޯދަން ބުކުޝޮޕަކަށް ވަންނާނީ ހާދަ މުހިންމު ވާހަކަފޮތެއް ގަންނާށޭ… ދެން މިހާރު ލިބިއްޖެތަ ބޭނުންވާ ކަހަލަ ވާހަކައެއް” ޒޫރިން ދިމާކޮށްލުމުން އީތަން ހީނލި އަޑުއިވުނެވެ.

ދެ ޒުވާނުން އެކިއެކި ވާހަކަގައި ފޯނުގައި ތިބިއިރު އެކަކަށް ވެސް ގަޑިން ވީއިރެއް ނޭނގޭ ކަހަލައެވެ. ދެމީހުންނަށް ވެސް ރެއަކާލީ ފަތިސް ނަމާދު ބަންގީގެ އަޑުއިވިގެންނެވެ. ޒޫރިން އަވަސް އަވަހަށް އީތަންއަށް ހެނދުނު ހޭލަންޖެހޭނެކަން ހަނދާންކޮށްދިނެވެ. ރަނގަޅަށް ނުނިދާ އޮފީހަށް ދިއުމަކީ މަސައްކަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދާނޭ ކަމެއްކަން ހަނދާންކޮށްދިނެވެ. އީތަން ޖަދަލުކުރުމެއްނެތި ފޯނުކޯލު ކުރުކޮށްލިއެވެ.

މޭމަތީ ފޯނު ބާއްވާލައިގެން ނިތްކުރީގައި އެއްއަތްބާއްވާލައިގެން އީތަން އޮތްއިރު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެއެވެ. ޒޫރިންގެ ވާހަކަދެއްކުމުގައި ހަޤީޤަތުގައި އީތަންގެ ހިތްދަމައިގަންނަ ފަދަގޮތެއް އެބަހުއްޓެވެ. އެކަމަކު އެހެންވާނީ ކިހިނެއްބާއޭ އޭނާގެ ހިތާ ސުވާލުކުރެއެވެ. ޖަޒްލާދެކެ ލޯބިވާކަމުގައިވާނަމަ އެހެން އަންހެންކުއްޖަކަށް އީތަންގެ ޝައުގުވެރިކަން ދަނީ ކީއްވެބާއެވެ. ޖަޒްލާއާއެކު ހަޔާތެއް ފަށަން ބޭނުންވާއިރު އީތަންގެ ހިތާ ހަމައަށް ޒޫރިން ވާސިލުވަމުން އެދަނީ އޭނާއަށް ވެސް ޤަބޫލުނުކުރެވޭހާ ހަލުވިކަމާއެކުއެވެ. ހިތަށް ހަމަޖެހުން ލިބުމަކީ މުޅި ނަފްސަށް ލިބޭ ހަމަޖެހުމެވެ.

* * * *

އީތަން އާއި ޒޫރިންގެ ދެމެދުގައި އުފެދެމުން އަންނަ ގުޅުމަށް ދޭނޭ ނަމެއް ނޭނގުނެއްކަމަކު ދެ މީހުންގެ ބައްދަލުވުންތައް އެރޭގެ ފޯނުކޯލަށްފަހު ފޯނުން ކުރިއަށް ގެންދާލެއް އިތުރުވިއެވެ. ނަމަވެސް އޭނާ ޒޫރިންނާއެކު ބަދަހިވަމުން އައި ގުޅުން އެންމެނަށް ސިއްރުކުރިއެވެ. ޚުދު އެންމެ ގާތް ރަޙުމަތްތެރިޔާއަށް ވެސް އެކަން އެނގުނަކަ ނުދެއެވެ. މީގެ ކުރިން އީތަންއަކީ މިހާ ސިއްރުވެރިކޮށް ކަންކަން ކުރަމުން އައި ޒުވާނެއްނޫނެވެ. އެހެންނަމަވެސް ޒޫރިންނާ ބައްދަލުވިފަހުން އޭނާގެ ޠަބީޢަތަށް ހީވެސް ނުކުރާހާ ބަދަލުތަކެއް އައިސްފައިވެއެވެ. ޖަޒްލާގެ ޝަކުވާތައް އަޑުއަހަމުން އެކަމުގެ އުދާސްތައް ބޭރުކުރާނޭ މަގެއްކަމުގައި އީތަން ދުށީ ޒޫރިންނެވެ. އޭނާއާ ދުވަހަކު ވެސް ޒޫރިން ދެބަހެއްނުވެއެވެ. އީތަން ޒޫރިންއާ ވާހަކަދައްކަނީ ހަމައެކަނި ދަންވަރުކަމުގައި ވިޔަސް އެކަމާ ޒޫރިން ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ދުވާލުގެ ވަގުތުތަކުގައި ދޭތެރެއަކުން ޒޫރިން މެސެޖުކުރެއެވެ. ގިނަ ފަހަރަށް ހުންނަނީ ހެއްވާ މަޖާ މެސެޖުތައް ކޮށްފައެވެ. މިފަދަ މެސެޖުތަކުން ވެސް އީތަންއަށް ޒޫރިން ކަމުދާންފެށިއެވެ. އަދި ނޭނގުމުގެ ތެރޭ ޖަޒްލާ އާއި ޒޫރިން އަޅާކިޔެންފެށުނެވެ. އީތަން ބުނާ ކޮންމެ އެއްޗެއް ޒޫރިން ޤަބޫލުކުރެއެވެ. ޝައްކު ކުރުމެއް އެކަމާ އިތުރަށް ސުވާލުކުރުމެއް ނޯވެއެވެ.

މިރެއަކީ ވެސް ޒޫރިން އާއި އީތަންގެ ދިގު ފޯނުކޯލު ކުރިއަށް ދަމުން ދިޔަ ރެއެކެވެ. ކޮޓަރީގައި އިން ޒޫރިންގެ ތުންފަތް އަބަދުމެ ފެންނަނީ ދެފަރާތަށް ދެމިލާފައި ހުންނަތަނެވެ. އެ ކުދި ދަތްތައް ނުފެންނައިރެއް ނުދެއެވެ.

“އީތަންއަށް ނުކުރޭނެތަ އަހަންނާ މީޓުކުރާކަށް” ޒޫރިން ބުނެލިއެވެ.

“މިގަޑީގަތަ؟”

“މިގަޑީގައެއްނު އީތަން އަހަންނަށް ގުޅަނީ، އެހެންވީމަ މިގަޑީގައިތާ އަންނާށޭ ބުނެވޭނީ”

“ތިގެއަށްތަ؟” އީތަންގެ އަޑުގައި ހާސްކަމެއް އެކުލެވިފައި ހުއްޓެވެ.

“ދެން އެހެންކޮންތާކަށް؟ މިގަޑީގައި ބޭރުގައި ބައްދަލުކުރުމަށްވުރެ ގޭގައި ބައްދަލުކުރުން މާ ސޭފްވާނެއެއްނު”

“އާން! ތިވެސް ތެދެއް… މިރޭތަ ހަމަ ދާންވީ؟” އީތަންގެ އަޑުން އޭނާ ޖެހިލުންވާކަން ޒޫރިންނަށް ވެސް އެނގުނެވެ.

“އީތަން އަދި އަހަންނާ މީޓުކުރަން ބޭނުންނުވަންޏާ ނަޔަސް އޯކޭ، އަސްލު އެހެން އަހާލެވުނީ އީތަން ދެކެން ބޭނުންވެފައި ހުރިވަރުން. ކިހާ ދުވަހެއްވެއްޖެ ދެ މީހުން އެކަކު އަނެކަކަށް ނުފެންނަތާ”

“ރީން އަހަރެން ގެންދާ ހިތްވަންޏާ ގޮސްދާނަން، އެކަމަކު އެހެންމީހުންނަށް ފެންނާކަށް ބޭނުމެއްނޫން…”

“މިގަޑީގައި ކާކަށް ފެންނާނީ، އެންމެން ތިބޭނީ ނިދާފައެއްނު”

ޒޫރިންގެ ވާހަކަތަކުން އީތަން ވެސް ހެންވޭރު ބުލޫމޫނަށް ޒޫރިންއާ ބައްދަލުކުރަން އަންނަން ޝައުގުވެރިވިއެވެ. އެހެންނަމަވެސް އޭނާ ޖެހިލުންވަނީ އެންމެ ކަމަކާއެވެ. ޒޫރިން ދުވަހަކު ވެސް އޭނާގެ މައިންބަފައިންގެ ވާހަކަ ދައްކާފައި ނުވާތީއެވެ. އަނެއްކޮޅުން އެގޭގައި އުޅޭ ރޭޝްމާއަކީ ޒޫރިންގެ ކާކުކަން ނޭނގޭތީއެވެ. ރޭޝްމާއަށް ބަލާލާފައި އޭނާގެ ޒޫރިން ވަރުގެ ދަރިއަކު ނުހުންނާނެކަން އީތަން ޔަޤީންކުރެއެވެ. އަދި ރޭޝްމާއާ ބައްދަލުވި ރޭ އެގޭގައި އޭނާގެ އެއްވެސް މީހަކު ނުހުންނާނެކަން ބުނުމުން އީތަންއަށް ޤަބޫލުކުރަން ޖެހެނީ ވެސް ޒޫރިން އާއި ރޭޝްމާއާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަމުގައެވެ. އެހެންނަމަވެސް ޒޫރިން އެގޭގައި އުޅެނީ ކީއްވެކަން އީތަން އެނގެން ބޭނުންވިޔަސް އެ ދެމެދުގައި އެކަހަލަ ވާހަކައެއް ނުދެކެވެއެވެ. ތަފާތު އެކިއެކި ވާހަކަތައް ދެކެވޭ އިރު ވެސް ދެމީހުންގެ ޢާއިލާއާ ގުޅިގެން އެއްވެސް ވާހަކައެއް ޒޫރިން ވެސް ނާހައެވެ. އެންމެ ކުޑަމިނުން އީތަންއަކީ މީހެއްގެ ހައްޤެއްތޯ ވެސް ޒޫރިން ނާހައެވެ. މިކަންކަމާ އީތަން އަޖައިބުވިޔަސް ހަޤީޤަތަކީ ޒޫރިން އެ ސުވާލުތައް ކުރަން ބިރުގަންނަނީއެވެ. އޭނާއަށް އީތަން ގެއްލިދާނެތީއެވެ. ދެމީހުން ވެސް މަޑުކުރަނީ އެކަކުއަނެކަކަށް އެންމެ ރަނގަޅު ވަގުތުގައި އެ ފަދަ ވާހަކަ ބުނާނޭކަމަށެވެ. އީތަން އިސްވެ އެއްވެސް ސުވާލެއްކުރަން ބޭނުންނުވަނީ އެގެއަށް އެރޭ ރޭޝްމާ ހޯދަން އައިކަން ޒޫރިންއަށް އެނގިދާނޭތީއެވެ. އެގޭގައި ޒޫރިން އުޅޭއިރު އޭނާއަށް ރޭޝްމާގެ ގޮތް ނޭގި އޮވެދާނެކަމަކަށް އީތަން އެއްފަހަރު ވެސް ހިޔެއްނުކުރެއެވެ. އަދި ޒޫރިންއަކީ ރޭޝްމާ ކަހަލަ އަންހެންކުއްޖަކަށް ވެދާނެއޭ ވެސް އީތަންގެ ޟަމީރު އަބަދުހެން ބުނެއެވެ. އަނެއްކޮޅުން ޒަވާޖީ ހަޔާތެއް ފެށުމަށް ނިންމާފައިވަނީ ޖަޒްލާއާއެކުގައި ކަމަށްވާއިރު ޒޫރިންއާ މާގިނަ ސުވާލުތަކެއް ކުރުން މުހިންމުކަމުގައި ވެސް އީތަންއަށް ނުފެނުނީ އެހެންވެއެވެ. އަދި އަމިއްލަ ހިތް އެއްކޮށް ޒޫރިންގެ މައްޗަށް ދޫކޮށްނުލެވިގެން އުޅެނީ ވެސް އެހެންވެއެވެ. ޒޫރިންގެ ހަޤީޤަތް ނޭނގޭތީއެވެ. އެފަދަ އަންހެންކުއްޖަކާ އެހާ ހާމަގޮތަކަށް ގުޅުން ބޭއްވުމަކީ އީތަން ކުރަން ބޭނުންކަމެއް ނޫނެވެ.

ހިތްހަމަޖެހިލާފައި ހުރި ޒޫރިން އަވަސްއަވަހަށް އެދުން ތެދުވެ ނިދަންލާ ޓީޝާޓުކޮޅު ބަދަލުކޮށްލިއެވެ. އަލަމާރިން ނެގި ޖިންސާއި ޑިޒައިންއެޅި ހުދު ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލަމުން އަވަހަށް އައިސް ލޯގަނޑުކުރިމައްޗަށް ހުއްޓުނެވެ. ރީތިވާ މޭޒުމަތިން ވޫލުކޮޅެއް ނަގާ އިސްތަށިގަނޑު އައްސާލާފައި ލޯގަނޑުން ބަލާލިއެވެ. ނަމަވެސް އެގޮތް ޒޫރިންއަކަށް ކަމަކު ނުދިޔައެވެ. އަނެއްކާ އިސްތަށިގަނޑު މިނިވަންކަމާއެކު ނިއުޅާލިއެވެ. އަދި ތުންފަތުގައި “ލިޕްބާމް” އުނގުޅާލުމާއެކު ކޮޓަރީގެ ކުޑަދޮރު ހުޅުވާލާފައި ޓެރެސްއަށް ފޭބިއެވެ. މައިދޮރުން ޓެރެސްއަށް ނުކުންނަނިކޮށް ރޭޝްމާއަށް ހޭލެވިދާނެތީއެވެ. އީތަން ކުރިން ވެސް އެގެއަށް އައިސްފައި ވުމުން ރޭޝްމާއަށް އޭނާ ފެނިއްޖެއްޔާ އެނގޭނޭކަން ޒޫރިންނަށް އެނގެއެވެ. އެހާ ސިއްރުން އީތަން ވެސް އުޅެން ބޭނުންވަނީ އެހެންވެކަމުގައި ޒޫރިންނަށް ވިސްނުނެވެ. ރަނގަޅުވަގުތު ޖެހުމުން ރޭޝްމާގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދޭނީ ކަމުގައި ޒޫރިން އަޒުމް ކަނޑައެޅިއެވެ. މިހާތަނަށް ރޭޝްމާއަށް ނޭނގި އޭނާ ފިޔަވަޅެއް ވެސް ބިންމަތީގައި އަޅައިފައި ނުވާނެއެވެ. ކުށެއްކުރެވޭހެން ހީވިޔަސް ހިތްހަމަޖައްސާލަނީ ފަހުން ރޭޝްމާއަށް ހުރިހާ ކަމެއް ކިޔައިދޭން ޒޫރިން ނިންމާފައިވާތީއެވެ. އޭގެކުރިން ޒޫރިންގެ ހިތުގެ ހިނގުމާއި އީތަންގެ ހިތުގެ ހިނގުން ގުޅިލާމެހުން ޒޫރިންނަށް މުހިންމެވެ.

ޓެރެސްގައި ތިރިއަށް ފޭބެން ހުރި ސިޑިއާ ދިމާއަށް ޒޫރިންއަށް ދުއްވަގަނެވުނީ އަތުގައި އޮތް ފޯނަށް އީތަން ގުޅުމުންނެވެ. ފޯނަށް ޖަވާބުދެމުން ސިޑީގެ ހަރުފަތްތައް މަތިން ޒޫރިން ފުއްމަމުން ފައިބައިގެން އައިސް ގޭގެ ދޮރޯށި ސިއްރުން ހުޅުވާލިއެވެ. ކުރިމަތީ ހުރި އީތަން ފެނުމުގެ ކުރިން އޭނާ ޖަހާފައި ހުރި ސެންޓު މީރު ވަސް ޒޫރިންގެ ނޭފަތުގައި ޖެހުނެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ޒޫރިންގެ ސަމާލުކަން އަތުލީ އެ ވަހެވެ. މަޑުނުލާއި ގަދަނޫކުލައިގެ ހުރަސްރިނގުދެމި އަތްދިގު ޓީޝާޓަކާއި ޖިންސުގައި އީތަން ހުރި އިރު ޓީޝާޓުގެ ދެއަތްވަނީ މައްޗަށް އަރުވާލުމުގެ ސަބަބުން ރޫޖެހިފައެވެ. އޭނާގެ ފަންއިސްތަށިގަނޑު ކޮށާފައި ހުރި ގޮތުން ނިތްކުރިމައްޗަށް އިސްތަށިތައް ނުވެރިއެއް ނުހުރެއެވެ. ޒޫރިން އެއްފަރާތަށް ޖެހިލުމުން އީތަން އެތެރެއަށް ވަނެވެ.

“ބިރެއް ނުގަނޭތަ ދަންވަރުގެ މިގަޑީގައި އަހަރެން ވައްދާކަށް” ވަށައިގެން ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއަށް ނަޒަރު ހިންގާލާފައި އީތަން ޒޫރިންގެ ކަންފަތްދޮށުގައި ލާނެތްރާގެއްގައި ސިއްރުން ބުނެލިއެވެ. ކުޑަކޮށް ހީނލަމުން ޒޫރިން އަވަސްވެ ގަތީ ސިޑިން މައްޗަށް އެރުމަށެވެ. އޭނާގެ ފަހަތުން އީތަން އެރިއެވެ.

ޓެރެސްގެ ވަށާފާރުބުރި މަތީގައި ހަރުކޮށްފައިވާ ހޮޅީގައި ޒޫރިން އައިސް އަތްއަޅުވާލިއެވެ. އޭނާއާ ދުރުނޫން ހިސާބަކު އީތަން ވެސް އައިސް ހަމަ އެހެން މަޑުކޮށްލިއެވެ.

“އީތަންވީމަ އަހަރެން ބިރެއްނުގަނޭ”

“އެހެންތަ، އަހަންނަށް ތިހާ ބޮޑު އިތުބާރެއް ކުރާކަށް ނުވާނެ”

“ބައެއްފަހަރު ސިކުނޑިއަށް ވިސްނޭ ހުރިހާ އެއްޗެއް ހިތަށް ވިސްނައިދިނުމަކީ ކުރަން އެންމެ އުނދަގޫ ކަންތައް”

އީތަންއަށް ޒޫރިން ބަލާލިއިރު އޭނާ ވެސް ހުރީ ބަލާށެވެ. އެކަކުއަނެކަކަށް އިރުކޮޅަކު ބަލަންހުރެފައި ޒޫރިން އީތަންއާ ކައިރިއަށް ޖެހިލިއެވެ. އަދި އީތަންގެ ނިތްކުރި މައްޗަށް ވެރިފައި ހުރި އިސްތަށިތައް އަތުން އެއްފަރާތްކޮށްލިއެވެ.

“ކޯނޗެއް އަހަރެންގެ ލޮލުން ތި ހޯދަނީ” އީތަންއަށް ބަލަން ޒޫރިން ހުންނަން ފެށުމުން އަހާލިއެވެ.

“އަހަންނަށް ވެސް ނޭނގެ އީތަންގެ ލޮލުން ފެންނަން އަހަރެން ބޭނުންވަނީ ކޮންއެއްޗެއްކަމެއް”

“ޤަބޫލުނުކުރެވުނީތަ އަހަރެން އައިސްދާނެކަމަށް، މިހިރީ އައިހެއްނު، ދެން ޒޫރިން ބަލަން ބޭނުން ވަރަކަށް އަހަންނަށް ބަލާބަލަ” ހީނލަމުން އީތަން މިހެން ބުނެ ޒޫރިންގެ އަތުގައި ހިފިއެވެ.

“ރީން ވަރަށް ރީތި، އެހެން ބުނިތަ މީހަކު” އެހާ ގާތުގައި ޒޫރިން ފެންނަން ހުރުމުން އީތަންއަށް ވެސް ގޮތްތަކެއް ވިއެވެ. އަނެއްކޮޅުން ޒޫރިންގެ ތޫނު ނަޒަރުތަކުން އޭނާގެ ހިތް އަވަސްކުރުވިއެވެ. އެއްގޮތަކަށް ވެސް ޒޫރިން އެ ވިސްނަނީ ކީކޭކަމެއް ނޭނގޭތީ އީތަންއަށް ބުނަންވީ ކީކޭކަމެއް ނޭނގުނެވެ.

އިސްޖަހާލަމުން އީތަންގެ އަތުގެތެރޭ އޮތް ޒޫރިންގެ އަތް ނެގިއެވެ. އަދި ދުރަށް ނަޒަރު ހުއްޓާލަމުން ޓެރެސްގެ ވަށާފާރުގެ މަތީ ހަރުކޮށްފައިވާ ހޮޅީގައި ނިކަން ބާރަށް ދެއަތުން ހިފާލިއެވެ. ނޭނގޭ ގޮތްތަކެއް ޒޫރިންގެ ހިތާއި ހަށިގަނޑެއް ވަމުންދަނީއެވެ. އީތަންއާ ދުރުގައި ހުންނަން އުނދަގޫވަނީއެވެ. ބޭނުންވަނީ އެ ބާރުގަދަ ދެއަތުގެ ތެރެއަށް ވަންނާށެވެ. އީތަންގެ ތަނަވަސްމޭގައި ބޯއަޅާލާށެވެ. މިއީ ކުރިން ދުވަހަކު ވެސް ޒޫރިންގެ ޚިޔާލަށް އައިސްފައިވާ ކަންކަމެއްނޫނެވެ. ނަމަވެސް އީތަންގެ ޚިޔާލުތަކުގައިވަނީ ކީކޭކަން ނޭނގެނީސް އޭނާގެ އަތުގެ ތެރެއަށް ވަނުމަކީ ހެދޭ ގޯހަށް ނޫނީ ނުވާނޭކަން ޒޫރިންގެ ހިތް ވިސްނައިދެމުން ދިޔައެވެ.

“ކީއްވެ އެއްޗެއް ނުބުނީ، އަހަރެން ދާންވީތަ؟” އީތަންގެ ދުލުކުރީގައި ފަހުބަސް އޮއްވައި ކުއްލިއަކަށް ޒޫރިން އޭނާގެ އަތުގައި ހިފާ ދެ ފަރާތަށް ބޯހޫރާލިއެވެ. އީތަން އެ ތަނުން ދާން ޒޫރިން ނޭދޭ ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

ހީނލާފައި ހޮޅިމަތީ ދެއަތް އަޅުވާލަމުން ފާރުގައި ލެނގިލިއެވެ. އަދި މޫނު ޒޫރިންއާ ދިމާއަށް އަނބުރާލާއިގެން އިރުކޮޅަކު ހުރެފައި ޒޫރިންގެ މޫނަށް ގޯނާކުރަމުން ދިޔަ އިސްތަށިކޮޅެއް އޭނާގެ އިނގިލިތަކުގެތެރޭ ކިޔަމަން ކޮށްލިއެވެ. އެއާއެކު ނިކަން ފަރުވާތެރިކަމާއެކު އެ އިސްތަށިކޮޅު ގެނެސް ޒޫރިންގެ ކަންފަތުގެ ފަހަތަށްލައްވާލިއެވެ.

“ވަރަށް އަވަހަށް ދާންތަ ތިއައީ؟” ރަކިގޮތަކަށް އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އީތަންއަށް ބަލާލާފައި ޒޫރިން އަހާލިއެވެ.

“މިހާރު އައިސް މިހިރީ ހަމައެކަނި ރީންއަށްޓަކައި، ރީން ދާށޭ ބުނީމަ ދާނީ” އާދަޔާ ޚިޔާލު ވިދުމެއް ލިބިފައިވާ ޗޮކުލެޓުކުލައިގެ ކަޅި ޒޫރިންނަށް ހުއްޓާލަމުން އީތަން ބުނެލިއެވެ. އޭރު ވެސް އޭނާގެ ވައަތު އިނގިލިތަކުގެ ތެރޭ ޒޫރިންގެ ރަންފަށުވި ފަދަ ދިގު އިސްތަށިގަނޑުން އެތިކޮޅަކާ ކުޅެމުން ދިޔައެވެ.

“އަހަންނަށް މިހާރު ކުރިން ނުވާ އައު ގޮތްތަކެއްވޭ… ބޮޑަށް އަހަރެންގެ އެ ގޮތްތައްވަނީ އަހަރެންގެ ހިތަށް، އީތަން ތިހާ ގާތުގައި ހުރީމަ އަހަރެންގެ މޭގައި މިވާ ހިތުގެ ހިނގުން ވަނީ ކިހާ އަވަސްވެފައިކަން އެނގޭތަ؟”

“އެހެންތަ! އެކަމަކު ތި ހިތްތެޅެނީ ކިހާވަރަކަށްކަމެއް އަހަންނަށް ކިހިނެއް އެނގެނީ، ދައްކަބަލަ” އީތަން މިހެންބުނެ ޒޫރިންގެ މޭގައި ހިތް އޮންނަ ފަޅީގައި އޭނާގެ ކަނާތުއަތްތިލަ ޖައްސާލިއެވެ. އެހިނދު ކަރަންޓުޝޮކެއް ލިބިގެން މީހާ ވިއްސައިގެން ނުދާނޭހާ އަވަހަށް ޒޫރިން ދުރަށް ދިޔައެވެ.

“ކިހިނެއްވީ؟ އާ ޔޫ އޯކޭ… އައި އޭމް ސޮރީ…” އީތަން އަވަސްއަވަހަށް ބުނެލިއެވެ.

“އިޓްސް… އިޓްސް އޯކޭ…” ޒޫރިން އިސްޖަހާލަމުން ދެއަތުގެ އިނގިލިތަކާ ކުޅެންފެށިއެވެ. އީތަން އެ ފަދަ ގޮތަކަށް އޭނާގެ މޭގައި އަތްލުމުން ހަޤީޤަތުގައި ވެސް އޭނާގެ އެތެރެ ހަށްޓަށް ކަރަންޓުގެ ޝޮކެއްވަނީ އައިސްފައެވެ. އިސްތަށިގަނޑުން ކަނދުރާ ފޮރުވިފައިވިއެއް ކަމަކު އެ ތަނުގެ ހުރިހާ ލޯލިތަކެއްހެން ވަނީ ކޮޅަށް ޖެހިފައެވެ. ހިތުގެ ތެޅުން އަވަސްވެފައިވާއިރު ހީވަނީ އެތައްހޯސްޕަރެއްގެ އިންޖީނެއް ހިނގަމުންދާހެނެވެ. ނޭވާ ހުއްޓެމުން ނެއްޓެމުން ދިޔައިރު މުޅި މީހާ ހަމައަކަށް އެޅެން ޒޫރިންނަށް ވަގުތުކޮޅެއް ބޭނުންވިއެވެ.

“އަހަރެން އަސްލު އެހެން އަތްލައިގެން ނުވާނެ ދޯ” ލޯ ހިމަކޮށްލަމުން ޒޫރިންގެ ފަރާތުން ކަމެއް ދެނެގެންނަން ބޭނުންވެފައި ހުރެ އީތަން އަހާލިއެވެ.

“އެހެނެއްނޫން… ނުވިސްނާ ހުއްޓާ އަތްލީމާ ސިއްސައިގެން ދިޔައީ. އީތަން… އީތަން…” ފުންނޭވާއެއްލާފައި ވާހަކަދައްކަމުން ޒޫރިން އިސްއުފުލާލިއިރު އީތަން ބަލަންހުރި ގޮތުން އޭނާ ބުނަން އުޅުނު އެއްޗެއް ވެސް ހަނދާންނެތުނެވެ. އީތަންއަކީ އެ ދަންވަރު އައިސްހުރި ޖިންނިއެކޭ އެއްފަދަ ކަހަލައެވެ. ނޭނގޭ ބާރަކުން ދަމާފައި ކަހަލަ ގޮތަކަށް ޒޫރިން އޭނާގެ ގާތަށް ގެންދަން ފެށިއެވެ. ބޭއިޚްތިޔާރުގައި ކުރިއަށް ފިޔަވަޅު އަޅަމުން އައިސް އީތަންގެ ކުރިމަތީ ޒޫރިން ހުއްޓުނެވެ.

ޒޫރިންއަށް ބަލަން ހުރެފައި އީތަން ކަރު ކެހިލިއެވެ. އޭނާގެ ހަށިގަނޑުގައި އުފެދިފައިވާ ހޫނުކަމުން އޭނާގެ އަރުތެރެއަށް އުނދަގޫވެގެންނެވެ. އަދި ޒޫރިންނާ ނަޒަރު ވަކިކޮށްލަމުން އެއްފަރާތަށް ޖެހިލާ އަނދިރިކަމުގެތެރެއަށް ނަޒަރު ދޫކޮށްލަމުން ހިންދިރުވާލީއެވެ. އިހުސާސްކުރެވެމުން ދިޔަ ކަރުހިއްކުން ފުރަތަމަ ފަހަރަށް އަމިއްލަ ޟަމީރުން ބޭރުވެގެން ހިނގައިދާނޭހެން އީތަންއަށް ހީވީއެވެ. ހިކިމުންއައި އަރުތެރެ ތެތްމާލީ އެހެންވެއެވެ.

“މިރޭ ކިޔާނެ ލަވައެއްނެއްތަ؟” ވަށައިގެން ފިއްތަމުންދިޔަ އުދާސްކަން ނައްތާލުމަށް އީތަންގެ އަޑުގެ ރާގު ބަދަލުކޮށްލިއެވެ.

“ހެ…ހެ…ހެ…ހެ…. މަލާމާތްކުރާނެކަމެއްނެތް” ޒޫރިން ބުނެލިއެވެ.

“އެހެންވީމަ ރީންއަކީ ލަވަ ކިޔަން ނޭނގޭ އެކަމަކު ވަރަށް މޮޅަށް ގިޓާކުޅޭ ކުއްޖެއް، ދެން… ދެން ވާހަކަ ވެސް ކިޔާކުއްޖެއް…”

“އެކަމަކު އީތަން ލައިކްވަނީ ކޮންކޮން ކަމެއްކަން އަދިވެސް ނޭނގޭ” އިތާންގެ ވާހަކަ އެއްކޮށް ނުނިމެނީސް ޒޫރިން ބުނެލިއެވެ.

“އަދި އެނގޭނެ… އޯލް އިން ގުޑް ޓައިމްސް… ސޯ ޑޯންޓް ވޮރީ” އީތަންގެ ވާހަކައަށް ޒޫރިން ބަދަލުކޮށްލީ ހިނިތުންވުމެކެވެ. ބައެއްފަހަރު އީތަންއާ އެކިއެކި ސުވާލުކުރަން ބޭނުންވިޔަސް އެކަމަށް ޚުދު އީތަންގެ ފަރާތުން ވެސް ހުރަސްތައް ޒޫރިންއަށް ކުރިމަތިވެއެވެ. އިތުރަށް ބާރުއަޅަން ނުކެރެނީ އީތަން ހިތްހަމަނުޖެހިދާނޭތީއެވެ.

“ވަރަށް ލަސްވެއްޖެ ދޯ، އަހަރެން ހިތަށް އަރަނީ އީތަން އަހަންނާ އެހާ ލަސްވަންދެން ވާހަކަދައްކާފައި ހެނދުނު އޮފީހަށް ދާން އުނދަގުލެއް ނޫންބާއޭ”

“ބައެއް ފަހަރަށް ނިންޖަށްވުރެ ކަންކަން މުހިންމުވާ ފަހަރު ވެސް އާދެއެއްނު” އީތަން މިހެން ބުނުމުން ޒޫރިންގެ ހިތް އުފަލުން ނަށައިގަތެވެ. ކުރިމަތީ އީތަން ނެތްނަމަ އޭނާ ފުންމައިގަނެ އަޑުގެނެއްކޮޅަށް ހަޅޭލަވައިގަތީހެވެ. ޔަޤީނުން ވެސް އީތަންއަށް ޒޫރިންއަކީ މުހިންމު މީހެއްކަން އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ.

“އަހަރެން ދާށޭ ބުނަންދެން އީތަން ހުންނާނަންތަ؟”

“އާން! ނުކެރޭނެކަމައްތަ ހީކުރަނީ؟”

“އޯކޭ، ޤަބޫލުކޮށްފިން… އެންމެ ރަނގަޅު އީތަން ދިޔަޔަސް، އެކަމަކު ހިތަށް އަރާ ދެން ކޮންރެއަކުންބާއޭ އަހަންނަށް އީތަން ފެންނާނީ” ބޯއަރިކޮށްލަމުން ތިރީތުންފަތުގައި ދަތްއަޅާލި ޒޫރިން އޭނާގެ ކުރިމަތީ ހުރި އީތަންއަށް ބަލާލީ އޭނާ ދޭނެ ޖަވާބެއް ޔަޤީނުވާ ހާލުގައެވެ.

“ރީން އެއްނު ދަޢުވަތު ދޭނީ، އޭރުންތާ އާދެވޭނީ” ހިނިއައިސްފައި ހުރެ އީތަން ބުނެލިއެވެ.

އެކަކު އަނެކަކާ މިރެއަށް ވަކިވާންވީ ވަގުތު ޖެހުނީކަން ދެމީހުންނަށް ވެސް އެނގުނެވެ. އީތަން ދިއުމުގެ ހުއްދަ ޒޫރިން ދިނުމުން ޓެރެސްއިން ފައިބަން ހުރި ސިޑިއާ ދިމާއަށް އީތަން ހިނގައިގަތެވެ. ޒޫރިން ވެސް އީތަންއަށް ބަލަމުން ޚިޔާލަކަށް ގެއްލިފައި ހުރެ ސިޑިން ފޭބިއެވެ. އަދި ދޮރޯށި ހުޅުވާލާފައި އީތަން ނުކުތުމަށް ތަންދެއްކިއެވެ.

ދޮރޯށިން ބޭރަށް އީތަން ނުކުމެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަތަރެއްޖަހައި ދިޔައީއެވެ. ފަތިސް ނަމާދަށް ގޮވަންވާއިރަށް ގެއަށް ނުވަދެވުނިއްޔާ ސުފިޔާނާ ކުރިމަތިލާން ޖެހިދާނެވެ. އެހެންނަމަވެސް ހިނގައިގަތުމުގެ ކުރިން އީތަން ޒޫރިންއަށް ބަލާލިއެވެ.

“ދަނީ…” ޒޫރިންގެ ކޯތާފަތުގައި ފިރުމާލަމުން އީތަން ބުނެލިއެވެ. އަދި އޭނާ ހިނގައިގަތެވެ.

ދޮރޯށި ލައްޕާލުމާއެކު ޒޫރިންއަށް ހިނިތުންވެލެވުނެވެ. އަދި ކޯތާފަތުގައި އީތަން ފިރުމާލިތަނުގައި އަމިއްލައަށް ފިރުމާލެވުނެވެ. އީތަންގެ އެ ބީހުން ޒޫރިންގެ ހިތުގައި ބިންވަޅުނެގިގެން ދިޔައެވެ. އިތުރަށް ހިތުގައި އީތަންއަށްވާ އިހުސާސްތައް ފުންވެގެން ހިނގައްޖެއެވެ. މޮޔައެއްހެން އެކަނި ހުރެ ހޭންފެށިއެވެ. އަޑުވީއްލާކަން ހެވެނީ ޒޫރިންއަށް އެނގުނީ ތަންކޮޅެއް ފަހުންނެވެ. އަވަހަށް އަނގަމަތީ ދެއަތްއަޅާލުމާއެކު ރޭޝްމާ ހޭލުމުގެ ކުރިން ކޮޓަރިއަށް ވަންނަން ދުއްވައިގަތީ ޓެރެސްއަށް އަރަން ހުރި ސިޑިއާ ދިމާއަށެވެ.

* * * *

ހެނދުނު ދިހައެއްޖެހިއިރު ވެސް ޒޫރިން ކޮޓަރިން ނުނިކުތުމުން ރޭޝްމާ ކަންބޮޑުވިއެވެ. ފަހަކަށް އައިސް ޒޫރިން މާގިނައިން ދުވާލު ގަޑީގައި ނިދާކަން ރޭޝްމާއަށް ފާހަގަވިއެވެ. ދަރިފުޅަށް ބަދަލުތަކެއް އަންނަކަން ރޭޝްމާއަށް ފާހަގަވެއެވެ. އެކަމަކު ގެއިން ބޭރަށް ނުކުމެ އުޅޭތަނެއް ނުފެނެއެވެ. ކިޔަވައިގެން ޒޫރިން މާލެ އައިފަހުން ރައްޓެއްސަކު ވެސް އޭނާގެ ނުހުންނަކަން ރޭޝްމާއަށް އެނގެއެވެ. އެއީ ރޭޝްމާ ބޭނުންވާގޮތެއް ނޫނެވެ. އެއްޗެހި ދޮންނަން މެޝިނަށް އަންނައުނުތައް އަޅާފައި ރޭޝްމާ އައިސް ޒޫރިންގެ ކޮޓަރީގައި ޓަކިދޭން ފެށިއެވެ.

“ރީން! ރީން! ދަރިފުޅާ…. ދެން ތެދުވޭ. ރީން!” ރޭޝްމާ ގޮވާއަޑަށް ޒޫރިން ލޯ ހުޅުވާލާފައި ބޯހިއްލާލިއެވެ. އަދި އަތުގެ ނުފުށުން ދެ ލޯ އުނގުޅާލާފައި ބައްދާލައިގެން އޮތް ކަންނެޔޮ ދުރަށް ޖައްސާލިއެވެ.

ދަރިފުޅު މިހާރު ހާދަ ކަންނެތްވެއްޖެޔޭ، މަންމައަށް ހީވަނީ ރީން ގޭގައި ހުންނާތީހެން ކަންނެތްވަނީ، ދެން ނުނިދާ އާދޭ ސައިބޯން” ޒޫރިން ކޮޓަރީގެ ދޮރު ހުޅުވާލައިގެން ހުރެ އާފުރެމުންދިޔައިރު ރޭޝްމާ އޭނާއާ ވާހަކަދެއްކިއެވެ.

“ސޮރީ މަންމާ، މި ދަނީ ސައިބޯން” ޒޫރިން ބުނެލިއެވެ.

ބަދިގެ ފަރާތަށް ޒޫރިން އައިއިރު ރޭޝްމާ ފެންނަން ނެތުމުން ގޮވާލިއެވެ. އެއާއެކު ރޭޝްމާގެ އަޑުއައީ ޓެރެސްއިންނެވެ. ޒޫރިން ޓެރެސްއަށް ނުކުތުމާއެކު ސިކުނޑިއަށް އީތަންގެ ޚިޔާލުތައް އައިސް ޖެހިގަތް ކަހަލައެވެ. ތިރީތުންފަތުގައި ދަތްއަޅާލުމާއެކު ކުޑަކޮށް ހިނިތުންވެލެވުނެވެ. އަދި ރޭގައި އީތަން ހުރި ދިމާއަށް ނަޒަރު ހިންގާލެވުނެވެ.

“މަންމަގެ ރައްޓެހި ޒުބޭދާ ވަރަށް ބަލިވެގެން އުޅެނީ، މެންދުރުފަހު ދާނަމޭ މަންމަ ބުނެފިން، މަންމައާއެކު ރީން ވެސް ދާންވީނު” ހަރުގަނޑުގައި އެއްޗެހި ހިއްކަން އަޅަމުން ރޭޝްމާ ވާހަކަދެއްކިއެވެ.

“ޕްލީޒް މަންމާ، އަޅުގަނޑު އެހާ ދާހިތެއްނުވޭ” ޒޫރިން ބުނެލިއެވެ.

“އެކަމަކު ރީން ކުޑައިރު ހާދަ ގިނައިން ޒުބޭދާ އާދެއޭ، އަނެއްކާ ރީންއަށް ވަރަށް ހެޔޮވާނެ، ވަރަށް ލޯބިވާނެ… ޒުބޭދާމެން އެހެން ގެއަށް ބަދަލުވީމަ މިގެއަށް އައުން މަދުވީ، ރީންގެ ވާހަކަ ވަރަށް އަހާނެ، ރީން ބޮޑުވިފަހުން ޒުބޭދާއަށް ނުވެސް ފެންނާނެ، އެހެންވީމަ ރަނގަޅުގޮތަކީ އޭނާގެ ގާތަށް ރީން ވެސް ދިއުމެއްނު” ހުރިހާ އެއްޗެއް ހަރުގަނޑުގައި އެޅުމަށްފަހު ހުސް ބާލިދީ ހިފައިގެން އެތެރެއަށް ވަނުމަށް ހިނގައިގަންނަމުން ޒޫރިންގެ ކޮނޑުގައި ރޭޝްމާ އަތްޖައްސާލިއެވެ. އެއާއެކު ޒޫރިން ވެސް ރޭޝްމާއާއެއްކޮށް އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.

ޒޫރިންއަށް ބާވީސް އަހަރު ފުރެން އުޅޭއިރު ވެސް އަދިވެސް ރޭޝްމާ އޭނާއާ މެދު ކަންތައް ކުރަނީ ފަނަރަސޯޅަ އަހަރުގެ ކުއްޖަކާމެދު ކަންތައްކުރާ އުސޫލުންނެވެ. ރޭޝްމާއާއެކު ޒުބޭދާ ކައިރިއަށް ދާން ޒޫރިން އެއްބަސްވެފައި ކޮފީ މެޝިނު ކައިރިއަށް ދިޔައެވެ. ހަމައެވަގުތު ރޭޝްމާ އަޑުލައިގަތެވެ. ކޮފީއަކީ ހެނދުނު ހޭލާގޮތަށް ބޯން ރަނގަޅު އެއްޗެއް ނޫނޭ ކިޔާފައެވެ. އަދި އައިސްއަލަމާރިން ނެގި ޖަގުން ބިއްލޫރިތައްޓަށް ތާޒާއޮރެންޖު ޖޫސް އަޅަފައި، ތަށިގެނެސް ޒޫރިންގެ އަތަށް ލައިދިނެވެ. އަމިއްލަ ހަށިގަނޑަށް ބަލަންވާނެކަމުގައި ރޭޝްމާ އަބަދުވެސް ބުނާނެއެވެ.

“ނާޒިލްބެ ގާތު ބުނެގެން މިއުޅެނީ ރީންއަށް ޖޮބެއް ހޯދަން، އޭރުން ރައްޓެހިން ވެސް ލިބިދާނެ. ކުޑަކޮށް ބޭރަށް ނުކުމެލާ އުޅެންވާނެއެއްނު، އަބަދު ގޭގައި އޮންނާކަށްނުވާނެ. މަންމައަށް ހީވަނީ މިހާރު ރީން ފަލަ ވެސް ވެއްޖެހެން” ލޮލުގެ ހިމަކޮޅުން ޒޫރިންއަށް ބަލާލާފައި ރޭޝްމާ ބުނެލިއެވެ.

“އަސްލުތަ! އަޅުގަނޑު ފަލަވެއްޖެތަ؟ ނުވާނެ އެހެނެއް… އަޅުގަނޑު ގޭގައި އުޅުނަސް ޓްރެޑްމިލްއަށް އަރަމޭ” ޒޫރިންގެ ސަމާލުކަން ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ހުއްޓުނެވެ. އޭނާގެ ހިނދިހިނދި ބަނޑުގެ މަސްތަކުގައި ދެއަތުން ހިފާލީ ތުންކޮޅު އޫކޮށްލައިގެން އިނދެއެވެ. މި ހަރަކާތްތައް ބަލަން ހުރި ރޭޝްމާ ހޭންފެށިއެވެ.

“މަންމަ ބުނީ، ރީން އަބަދު ގޭގައި ތިހެން ހުންނަންޏާ ފަލަވެދާނޭއޭ” ރޭޝްމާ ހެމުން ހެމުން ބުނެލިއެވެ.

މެންދުރުގެ ވަގުތެވެ. އޮފީހުގައި އޮތް މީޓިންއެއް ނިންމާފައި އީތަން ނުކުތީ ނުފައިލުގެ ފަހަތުންނެވެ. އެވަގުތު ޖީބުގައި އޮތް ފޮނު ވައިބްރޭޓްވެލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި އީތަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ކައިރީގައި ހުރި ނުފައިލަށް ފާހަގަނުވާނޭހެން ފޯނު ނަގާ ބަލާލިއެވެ. ނަމަވެސް ވަގުތުން އީތަންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިދިޔައެވެ. އަދި ފޯނަށް އައި މެސެޖަށް ޖަވާބުދީފައި ޖީބަށް ލިއެވެ.

އޮފީހުގެ މަސައްކަތްތައް ކުރަމުން ވެސް ދޭތެރެއަކުން އީތަންގެ ނަޒަރު މޭޒުމަތީ ބާއްވާލާފައި އޮތް އޭނާގެ ފޯނަށް ހުއްޓެވެ. އޭނާ އިންތިޒާރު އެ ކުރަނީ ޒޫރިންގެ ފަރާތުން މެސެޖަކަށެވެ. އެހެންޏާ މިހާއިރު ވާއިރު ކޮންމެވެސް ކަހަލަ ޖޯކެއް އީތަންގެ ފޯނަށް ފޮނުވާނެއެވެ. ރޭގައި އަނެއްކާ ކަމެއް ގޯސްކޮށް ހިނގީބާއޭ އީތަންގެ ހިތަށް އަރަންފެށިއެވެ. އެއާއެކު އެ ޚިޔާލުން ސިކުނޑި ކަމުންދިޔަ ކަހަލައެވެ. މަސައްކަތަށް ސަމާލުކަން ކުޑަވެގެން ދިޔައެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *