LOABIVAATHEE UFAA DHEYNAMEY [EP-04]

“ރީން… ޕްރިންސެސް… މާ އަވަހާއޭ ކާރުން ފައިބައިގެން ތިއައީ، މިޖެހުނީ މާ ދުރުގައި ކާރު ޕާކުކުރަން”

“މަންމަ ނައިސްފައި، ދޮރުހުޅުވަން ވެސް ނައީތަ؟ ނާޒިލްބެއަށް ތަޅުދަނޑިފަތި ވެސް ދިނީ؟ ކޮންތާކަށް މަންމަ ދިޔައީ؟ ހުރެބަލަ އަނގައިން ވެސް ނުބުނާނަން ދެން އައީމަ. ކުރިން ބުނި ނިމޭއިރަށް ލަންކާއަށް އަންނާނަމޭ، އެކަމަކު އެއަރޕޯޓަށް ވެސް މަންމައަށް ނާދެވުނު… ނާޒިލްބޭ ޕްލީޒް… މަންމައަށް ވީގޮތެއް ބުނެބަލަ…” ލޮލުގައި އަޅާފައި އޮތް ކަޅުއަވިއައިނު ނަގަމުން ޒޫރިން އަހާލިއެވެ.

ކުދި ކިޔަމުން ޒޫރިން އެއްފަރާތަށް ޖެހިލީ ދޮރޯށި ހުޅުވަން ނާޒިލުއަށް ތަންދޭންވެގެންނެވެ. އޭރު ޒޫރިންނަށް ނޭނގުނެއްކަމަކު ނާޒިލުގެ މޫނުމަތިން ފެންނަނީ ހިނިގަނޑު މަތަކުރަން މަސައްކަތްކުރާތަނެވެ. ޒޫރިންނަށް ނޭނގޭކަމެއް އޭނާއަށް އެނގޭ ކަހަލައެވެ. އަތުގައި އޮތް ތަޅުދަނޑިފަތިން ދޮރޯށި ހުޅުވާލާފައި ޒޫރިންގެ ފޮށި ދަމަމުން އެތެރެއަށް ވަނެވެ. ކަވަރަށްލާފައި އޮތް ގިޓާގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ނާޒިލުގެ ފަހަތުން ޒޫރިން ވެސް ގޭތެރެއަށް ވަނެވެ.

“ސަޕްރައިޒް….” ސިޓިން ރޫމު ދޮރުމަތިން ޒޫރިންނަށް ފެނުނު ރޭޝްމާ އުފަލުން ހަޅޭލަވައިގަތެވެ. އެއާއެކު ޒޫރިންގެ ހަޅޭކުގެ އަޑު ވެސް އިވިގެން ދިޔައެވެ.

ނާޒިލު، ޒޫރިންގެ އަތުން ގިޓާ ނެގުމާއެކު އެންމެ ހިނދުކޮޅަކަށް ވެސް ޒޫރިންނަށް މަޑެއް ނުކުރެވުނެވެ. ފެނުނީ ރޭޝްމާ އާއި ޒޫރިން އޮޅުލައިގަތް ތަނެވެ. މަޔަކު ދަރިއަކު ދުށުމަށް ކެތްތެރިކަން ކުޑަވެފައިވާ ފަދައިން ރޭޝްމާ ވެސް ހުރީ ޒޫރިން ދުށުމަށް ކެތްމަދުވެފައެވެ. ހަމައެއާއެކު ޒޫރިން ވެސް ހުރީ އޭނާދެކެ އިންތިހާއަށް ލޯބިވާ މަންމަގެ އުނގުތެރެއަށް ވަނުމަށް ނުހަނު ބޭނުންވެފައެވެ. ހިތުގައި އޮތް ޝަކުވާތައް ފުނިޖައްސަމުން އައިސް ގެއަށް ވަން ނަމަވެސް ރޭޝްމާ ފެނި އެ ދެއަތުގެތެރެއަށް ޒޫރިން ގެނެސް ލީ ގޮތުން ކުރަން ހުރި ހުރިހާ ޝަކުވާއެއްގެ މަތިން ވެސް ޒޫރިން ހަނދާންނެތިއްޖެއެވެ.

“އިސްތަށިގަނޑަށް ކިހިނެއް ހަދާފައި މިއޮތީ، މުޅިން ހުދުކޮށްލާފައެއްނު މިއޮތީ….” ދަރިފުޅުގެ ގައިގައި ފިރުމަމުން ހިތްފުރެންދެން އެ ދަރިފުޅަށް ބަލަމުން ރޭޝްމާ ވާހަކަދެއްކިއެވެ.

“ރީއްޗެއްނޫންތަ މަންމާ، އަޅުގަނޑު ވެސް މަންމައަށް ސަޕްރައިޒެއް ދިނީ، މިކޮޅަށް އަންނަން ވެގެން ބްލޮންޑްކޮށްލީ، އަސްލު ވެސް ބުނެބަލަ، ވަރަށް ހުތުރުތަ؟” ޒޫރިން އޭނާގެ ފަން ދިގު އިސްތަށިގަނޑުގައި ދެއަތުން ކަހަލަ ގޮތަކަށް ފިރުމާލިއެވެ.

“މުޅިން އެހެން ކުއްޖެއްހެން ހީވަނީ، ޔޫރަޕްގެ ގެސްޓެކޭ ޒޫރިންނެކޭ ތަފާތެއްނެތް، ހުތުރެއްނޫން، ވަރަށް ގުޅޭ ރީންއާ، މަންމައަށް އެހެން ބުނެލެވުނީ ދަރިފުޅު ކުޑައިރުއްސުރެ އެހާ ބަލައިގެން މަންމަ ގެންގުޅުނީ ތި އިސްތަށިގަނޑު، ކުލައެއް ޖައްސާލާ ހައިލައިޓުކޮށްލަން ވެސް ބޭނުންނުވީ އިސްތަށިގަނޑު ބަލިވެދާނޭތީ… އެކަމަކު ވަރަށް ރީތި ތިކުލަ ޖައްސާލީމާ ވެސް، މާ ދޮން ވެއްޖެހެން ވެސް ހީވޭ” ރޭޝްމާގެ ވާހަކައިން ޒޫރިން އިތުރަށް ފަރިދައްކާލިއެވެ.

“މީ އަޅުގަނޑަށް ދޯ މަންމާ، އަޅުގަނޑު އަންނަންވާއިރަށް ވަރަށް ރެޑީވެލާފައި ހުރިކަން އެބަ ފެނޭ”

“އައްދޭ! ރީންގެ މަންމައަށް ރޭގައި ނިދުނުތޯ އަހާލަބަލަ” ފޮށްޓާއި ޒޫރިންގެ ގިޓާ ސިޓިން ރޫމުގެ އެއްފަރާތުގައި ބަހައްޓާލަމުން ނާޒިލު ބުނެލިއެވެ. އެއާއެކު ރޭޝްމާއާ ދެމީހުން އެއްފަހަރާ ހީނގަތެވެ.

“ހިނގާ ކޭކު ފަޅަމާ، ވަރަށް ބަނޑުހައި ވެސް ވެއްޖެ” ނާޒިލު އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. ޒޫރިން ވެސް އަވަސްވެގަތީ ކޭކާ ދިމާއަށެވެ. ރޭޝްމާ ކޭކުފަޅަން އޮތް ވަޅި ނަގާ ޒޫރިންނަށް ދިއްކޮށްލިއެވެ.

“މަންމަގެ ދަރިފުޅު ކިޔަވާ މޮޅުކުއްޖަކަށްވާން މަންމަ އެންމެ ބޭނުންވީ، މިއަދު ރީން ތިއައީ މަންމަގެ އެ ހުވަފެން ސީދާކޮށްދީފައި، މީ ހަމަ ރީންއަށް ޚާއްޞަކޮށް…”

ރޭޝްމާ ދިއްކޮށްލި ވަޅީގައި ޒޫރިން ހިފުމާއެކު އަވަހަށް ކޭކު ފަޅާލައިފިއެވެ. އަދި ތިންމީހުންނަށް ތިންތަށްޓަށް ކޭކުކޮޅެއް ލުމަށްފަހު ކޭކުގެ ރަހަށް އިންސާފުކުރަން ފެށިއެވެ. ޒޫރިންނަށް އެންމެ ކޭކުކޮޅަކުން ނުފުދުނެވެ. ދުވަސްތަކަކަށްފަހު ގޭތެރެއަށް ދިރުން އައިސްފިއެވެ. ޒޫރިންގެ ވާހަކަތައް ފެށުނު ގޮތަށް އެކަމަށް ނިމުމެއް ނުވާ ކަހަލައެވެ.

މެންދުރުގެ ވަގުތެވެ. ގޭގައި ކެއްކުމުގެ ބަދަލުގައި ރޭޝްމާ ނިންމީ މެންދުރުގެ ކެއުން ގެއިން ބޭރުން ހަމަޖެއްސުމަށެވެ. ގެއާއި މާ ދުރުނޫން ރެސްޓޯރެންޓެއްކަމަށްވާ ޗައިނާ ގާޑަން ރެސްޓޯރެންޓަށް ޒޫރިން ގޮވައިގެން ރޭޝްމާ އައިސް ވަނެވެ. އެތަނުގެ ދޮރުން ވަދެގެން މޭޒެއްގެ ދޮށުގައި ނީށީނދެވިގެން އުޅެނިކޮށް ތިންފިރިހެނުން ތިބި މޭޒަށް ރޭޝްމާގެ ނަޒަރު ހުއްޓުނެވެ. އެ މޭޒު ދޮށުން ރޭޝްމާއަށް ބަލަން އިނީ ތަހުސީނެވެ. އެއާއެކު ތަހުސީނު އާއި ދެމެދުގައި ދެކެވިފައިވާ ވާހަކަތައް ރޭޝްމާގެ ހަނދާނަށް އަންނަންފެށިއެވެ. ނަފްސަށް އުނދަގޫވާފަދަ ގޮތްތަކެއް ރޭޝްމާއަށް އިހުސާސް ކުރެވުނެއްކަމަކު ގާތުގައި ޒޫރިން ހުރީތީ އޭނާއަށް ލިބުނު ނުތަނަވަސްކަން ހިނިތުންވުމަކުން ފޮރުވާލަން މަސައްކަތްކުރިއެވެ.

“މިތަން އޯކޭނު” ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި ޒޫރިން ހުއްޓިލަމުން ބުނެލިއެވެ.

އަވަސް އަވަހަށް ބޯޖަހާލަމުން ރޭޝްމާ އިށީނީ އޭނާއަށް ބަލަމުން ދިޔަ ތަހުސީނަށް ފުރަގަސްދެމުންނެވެ. އެހެންނަމަވެސް އެވަރުން ތަހުސީނުގެ ބެލުންތައް ތިރިއެއްނުވިއެވެ. ރޭޝްމާ ބޭނުންނުވި ނަމަވެސް ޒޫރިންނަށް އެކަން ފާހަގަ ނުވެއެއް ނުދިޔައެވެ.

“އެ ތިބަ މީހުންގެ ތެރޭގައި އިން ބުލޫ ގަމީސް ލީ މީހާ ހާދަ ވަރަކަށް އެބަ ބަލައޭ، މަންމަ ދަންނަންތަ އެމީހާ؟ ހީވަނީ މަންމަ ބަލާލާތޯ ހެން އެވަރަށް އެ ބަލަނީ” ޒޫރިން ސިއްރުން އަހާލިއެވެ.

“ނުއެއްދަންނަން، އެކަމަކު އެއްފަހަރު ފްލައިޓުން ދިމާވެގެން ވާހަކަދެއްކި”

ތަހުސީނުގެ ބޭނުމަކީ ކޮބައިކަން ރޭޝްމާއަށް އޮޅުންނުފިލިކަމަކު އޭނާ ޒޫރިންނަށް އޮޅުވާލަން މަސައްކަތެއް ނުކުރިއެވެ. އަނެއްކޮޅުން އެންމެ ފަސޭހައިން ޒޫރިންގެ ސުވާލުތައް ހުއްޓޭނީ ވެސް ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ބުނުމުންނެވެ.

ކެއުމުގެ ކަންތައްތައް ނިންމާލާފައި ބިލު ދެއްކުމަށްފަހު ރޭޝްމާ އާއި ޒޫރިން ރެސްޓޯރެންޓުން ނުކުންނަން ހިނގައިގަތެވެ. އަދި ހަމަ އެހިނދު ތަހުސީނު އިން މޭޒަށް ސިއްރުވެރި ނަޒަރެއް ރޭޝްމާ ދިނެވެ. އޭނާގެ ގާތުގައި ކުރިން ތިބި މީހުން ހިނގައްޖެއެވެ. އެހެންނަމަވެސް ސިނގިރޭޓެއް ރޯކޮށްލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލާއިގެން ގޮނޑީގައި ހަމަޖެހިލައިގެން ތަހުސީނު އިނީ ސީދާ ރޭޝްމާއަށް ބަލާށެވެ. މެޔަށް ފިނިވެގެން ދިއުމާއެކު ޒޫރިންގެ އަތުގައި ރޭޝްމާއަށް ހިފާލެވުނެވެ. އަދި އެތަނުން ނުކުންނަން އަވަސްވެގަނެވުނެވެ.

“ހެލޯ… އަލުން ދިމާވެދާނެ ކަމަށް އުންމީދެއް ނުކުރަން، ހާލު ކިހިނެއްތަ؟ މީ ކޮންކުއްޖެއް؟”

ރެސްޓޯރެންޓުން ބޭރަށް ނިކުމެ ހިނގައިގަތްތަނާހެން ފަހަތުން ފިރިހެނަކު ވާހަކަދެއްކުމުން ފުރަތަމަ ވެސް ހުއްޓި އެ ދިމާ ބަލާލީ ޒޫރިންނެވެ. އޭނާގެ ކުރިމަތީގައި ހުރި އިސްކޮޅުން ދިގު ޝަޚުޞިއްޔަތު ވަރުގަދަ ފިރިހެނަކީ ރެސްޓޯރެންޓުގެ ތެރެއިން އެމީހުންނަށް ބެލި މީހާއެވެ. ހިނިތުންވެލައިގެން ހުރި ގޮތުން ދުރުމީހެއްހެނެއް ހިޔެއްނުވެއެވެ. ވާހަކައިގައި ވެސް ހުރީ ގާތް ގޮތަކެވެ. ޒޫރިން އޭނާގެ މޫނަށް ބަލަން ހުރެފައި ދެން ބަލާލީ އޭނާގެ އަތުގައި ހިފާ ގަޔާކައިރިކޮށްލި ރޭޝްމާގެ މޫނަށެވެ. އެހިނދު ޒޫރިންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ.

“އޭނަ އެ ވާހަކަދައްކަނީ މަންމައާ އެއްނު” ރޭޝްމާގެ ކަންފަތްދޮށުގައި ޒޫރިން ސިއްރުން ބުނެލިއެވެ. އޭރު ވެސް ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލައިގެން ހިނިތުންވެފައި ތަހުސީނު ހުއްޓެވެ.

“ހިނގާ ދާން…” ރޭޝްމާ، ޒޫރިންގެ އަތަށް ދަމާލާފައި އެނބުރި ހިނގައިގަތެވެ.

މަޑުހިނގުމެއްގައި ގެއާ ދިމާއަށް ހިނގަމުން ރޭޝްމާ އާއި ޒޫރިން އައި އިރު އެމީހުންގެ ފަހަތުން ތަހުސީނު ވެސް އާދެއެވެ. އެމީހުންނަށްވުރެ ތަންކޮޅެއް ފަހަތުގައި ހުރެއެވެ. އެކަން ޒޫރިންނާއި ރޭޝްމާއަށް ވެސް ފާހަގަވިއެވެ. ދޭތެރެއަކުން ރޭޝްމާ ތުންފަތުގައި ދަތްއަޅާލަމުން ދެބުމަ އެއްކޮށްލައެވެ. ތަހުސީނު އުޅޭ ގޮތުން ހިތްހަމަނުޖެހިގެންނެވެ. ޚާއްޞަކޮށް ޒޫރިންނާއެކު އުޅޭއިރު އޭނާއަކީ ޒިންމާދާރު މަންމައެކެވެ. ޒޫރިންގެ ސިކުނޑިއަށް ނުބައި ޚިޔާލެއް ވަދެދާނޭ އެއްވެސް ކަމެއް ފެނި ހިނގުމަކީ ރޭޝްމާ ބޭނުންވާގޮތެއް ނޫނެވެ. އެހެންނަމަވެސް ތަހުސީނާ ފުރަތަމަ ބައްދަލުވި ވަގުތު ވެސް ރޭޝްމާއަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. މިފަހަރު ވެސް ރޭޝްމާއަށް ވީ އެވަރެވެ. ތަހުސީނު ހުއްޓުވަން ބޭނުންވި ނަމަވެސް އޭނާއާ ކައިރިއަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި އޭނާއާ ދުރަށް އަވަސްފިޔަވަޅުތަކެއް އަޅަމުން ރޭޝްމާ ދިޔައިރު ހީވަނީ ތަހުސީނަށް ފިލަން މަސައްކަތްކުރާހެނެވެ.

ދޮރޯށި ހުޅުވާލާފައި ގޭތެރެއަށް ޒޫރިން ވެއްދުމާއެކު ރޭޝްމާ މަގުމައްޗަށް ބަލާލިއެވެ. އޭރު ގޭގެ ކުރިމަތީ މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން ތަހުސީނު ހުއްޓެވެ. ކުރިއަށް ފިޔަވަޅު އަޅާލަން ފައިނެގުމާއެކު ރޭޝްމާ އަވަހަށް ދޮރޯށި ޖަހައިފިއެވެ. ނުތަނަވަސްކަން ހިތަށް ލިބިގެން ދިއުމާއެކު ސިކުނޑި ހާސްކުރުވިއެވެ. އޭނާގެ ފަހަތުން ފިރެހަނަކު އެގޮތަށް އުޅެފައެއް މީގެ ކުރިން ނެތެވެ. މުޅިން ވެސް ފިރިހެނެއް ވެއްޖެއްޔާ އަންނަނީ އެމީހެއްގެ ބޭނުމެއް އޮވެގެން އެކަމެއް ފުއްދާލުމަށެވެ. ރޭޝްމާއާ މަގުމަތިން ދިމާކޮށް ނަހަދައެވެ.

ސިޓިންރޫމު ސޯފާގައި ރޭޝްމާ އައިސް އިށީނުމާއެކު ޒޫރިން ވެސް ދެފައިނަގާ ވަށްކޮށްލައިގެން އިށީނދެއްޖެވެ. އަދި ރޭޝްމާއަށް އިރުކޮޅަކު ބަލަން އިނދެފައި ވާހަކަދައްކަން ފެށިއެވެ.

“ހީ ލުކް ވެރީ ސްމާޓް، ނޫންތަ މަންމާ؟ ނާޒިލުބެއެއްވުރެ ހަމަގައިމު ވެސް އޭނާ މާ ސްމާޓުކަމަށް ފެނޭ…”

“ކޮންވާހަކައެއްތަ ރީން ތިފެށީ”

“ކަމޯން މަންމާ، މިހާރު އަޅުގަނޑަށް ވެސް ކަންތައްތައް އެނގޭހާ ބޮޑުވެއްޖެޔޭ، މަންމަ ކީއްވެތަ އެމީހާއާ ވާހަކަ ނުދައްކަން ތިއުޅެނީ، އޭނާ ވާހަކަދެއްކީ ވަރަށް ހިތްހެޔޮކޮށް، ހީވަނީ… ހީވަނީ… މަންމަދެކެ އޭނާ ލައިކްވާހެން…”

“ރީން!”

“ސޮރީ މަންމާ” ރޭޝްމާ ހިތްހަމަނުޖެހުނުހެން ހީވެ ޒޫރިން ނިކަން އަވަހަށް ބުނެލިއެވެ.

ރޭޝްމާ ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އިތުރަށް އެއްޗެއް ބުނާކަށް ޒޫރިންނަކަށް ވެސް ނުކެރުނެވެ. ރޭޝްމާ ސިޑިން އަރައިގެން ގޮސް ލޯމަތިން ގެއްލުމުން ސޯފާތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ކައިރީގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތިން ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ. އޭނާ އެހެން އޮއްވާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ހަރަކާތްގެނައި މީހަކު ފަދައިން ސޯފާއިން ތެދުވެ ފޯނު ނެގިއެވެ. އަދި ނާޒިލަށް ގުޅާލިއެވެ.

“ނާޒިލުބޭ، ހަވީރު އަނައްޗޭ އަޅުގަނޑު ގޮވައިގެން ކާރު ދުއްވާލަންދާން” ވަގުތުން ޒޫރިން ބުނެލިއެވެ. އަދި ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ނާޒިލުގެ ވާހަކައަށް ދެ ފަހަރަކު ހީނލާފައި ޒޫރިން ފޯނު ބާއްވައިފިއެވެ.

* * * *

ތަހުސީނު އައިސް ގެއަށް ވަންއިރު އޭނާގެ މައިންބަފައިންގެ ބައިން ޝައުން ނުކުންނަނީއެވެ. ދެމީހުން ބައްދަލުވުމާއެކު ޝައުން ވަރަށް ހިނިއައިސްފައި ވާހަކައެއް ފަށައިފިއެވެ. ތަހުސީނާއި ޝައުންގެ ދެމެދުގައި އުމުރުގެ ފަރަގު ބޮޑުވެފައި ޢައިލީގޮތުން ތަހުސީނަކީ ޝައުންގެ ބޮޑުބޭބެއަށް ވިޔަސް ފެންނަ ފެނުމުގައި އެމީހުންނެކޭ ގާތް ދެ އެކުވެރިންނެކޭ ތަފާތެއްނެތެވެ. ޝައުންގެ ލާނެތްކަން ބައެއްފަހަރަށް ތަހުސީނަށް ކަމުދަނީ އޭނާ ވެސް އެންމެ ޒުވާންދުވަސްވަރު އުޅުނު ގޮތް ހިތަށް އަރާފައެވެ. އެ ދުވަސްތަކަކީ އޭނާ ހަނދާންނެތޭނޭ ދުވަސްތަކެއް ނޫނެވެ.

“މިއަދު އެކަނި އުޅޭ ދުވަހަކީތަ؟”

“މިގަޑީގައި އީތަންއެއް ނުފެންނާނެއެއްނު، އޭނާވާނީ އޮފީހުގައި… ތަހުސީނުދޮންބޭ، އަޅުގަނޑަށް ތިއޮފީހުން ޖޮބެއް ދެއްވަންވީނޫންތޯ، އީތަން ނެތީމާ ދުވާލުގަނޑީގައި އަޅުގަނޑު ވެސް ކުރާނޭ ކަމެއް ނޯވޭ”

“ބައްޕައަށް އެހީތެރިވާން ނުވިސްނަންތަ؟ ގޭގެ ވިޔަފާރި މާ ފުޅާވެފައި ކުރަންޖެހޭ ކަންކަން ވެސް ގިނަވާނެ، ބައްޕައަށް ވެސް އޭރުން ފަސޭހަވާނެއެއްނު”

“އެތަނަކަށް ގޮސްފިއްޔާ ބައްޕަ ހުންނަވާނީ އަބަދު އަޅުގަނޑުގެ ފަހަތުގައި، މިނިވަންކަމެއް ނޯންނާނެ… މި ފެމެލީގެ ރޫލްސްތައް ގިނަ ކަމުން ވެސް މިނިވަންކަމާއެކު ފިޔަވަޅެއް ވެސް ނޭޅޭނެ”

ޝައުންގެ ވާހަކައިން ތަހުސީނުގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް ޒުވާން ޝައުންގެ ވާހަކައަށް ބާރުލިބޭނޭ ފަދަ އެއްވެސް އެއްޗެއް ތަހުސީނު ނުބުންޏެވެ.

“ދޮންބެގެ ރައްޓެއްސަކު ވަރަށް ރީތި ސަފާރީއެއް މާދަމާ އެބަގެނޭ، އީތަންއާ ދެ ކުދިން ދޮންބެއާއެކު ހުޅުމާލެއަށް ދާންވީނު އޭތި ބަލާލަން” ޝައުން ޝައުގުވެރިވާ ކަހަލަ ވާހަކައެއް ތަހުސީނު ބުނެލިއެވެ. ޝައުން ވަގުތުން އެއްބަސްވިއެވެ.

ތަހުސީނުގެ އެޕާޓްމެންޓަށް އޭނާ އައިސް ވަންއިރު، އޭނާއާއެކު ޝައުން ވެސް އައިސް ވަނެވެ. ތަހުސީނުގެ އެޕާޓްމެންޓުގެ ފަޅުކަން ޝައުންއަށް ވެސް އުނދަގޫ ކުރުވިއެވެ. ސިޓިންރޫމުގައި ޒީނަތްތެރިކުރުމުގެ އެއްވެސް އެއްޗެއް ނެތެވެ. ހުދުކުލައިގެ ފާރުތައް ހުރީ ހުހަށެވެ. ތަހުސީނުގެ ދިރިއުޅުމާ ބެހޭ ވާހަކަތައް އެނގެން ޝައުން ބޭނުންވެއެވެ. އެކަމާ ސުވާލުކޮށްލަން މީ ރަނގަޅު ވަގުތެއްކަމުގައި އޭނާ ދުށްޓެވެ.

އެންމެ މިޒަމާނަށް ހަދާފައި ހުރި ބަދިގެއަށް އައިސް ވަން ތަހުސީނު އައިސްއަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނެގިއެވެ. ބިއްލޫރި ތަށްޓަކަށް ފެންފޮދެއް އަޅާލުމާއެކު ފެންފުޅި އާއި ތަށި ހިފައިގެން އައިސް އިށީނދެވޭ ގޮތަށް ހަދާފައި ހުރި ކަބަޑުތައް ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ތަހުސީނުގެ ހިޔަންޏެއްހެން ހުރި ޝައުން ވެސް އެތަނުން ގޮނޑިއެއް އިށީންނަމުން ވަރަށް ފުންކޮށް ބޮޑުބޭބެއަށް ބަލާލިއެވެ.

“ތަހުސީނު ދޮންބެ ގާތު އަޅުގަނޑު ވާހަކައެއް އަހާލަންތޯ”

“ކިހިނެއްވީ ކުއްލިއަކަށް ހުއްދަ ހޯދަން ޖެހުނީ، އަނެއްކާ ކިހާވަރެއްގެ ވާހަކައެއް ދައްކަން ގަސްދުކޮށްގެން ތި އިނީ” ޝައުންއަށް ބަލާލާފައި ތަހުސީނު އެއްބުއްމަ ހިއްލާލިއެވެ.

“ނަތިންގ މަޗް… ލައިފްއާ ބެހޭ ގޮތުން… ހިތަށް އަރަނީ މެރީ ކުރުމަކީ މިނިވަންކަން ގެއްލޭނެ ކަމެއްބާއޭ، ނޫނީ ތިމާ އެންމެ ލޯބިވާ މީހާއާ ދިމާވުމުން އެވީ ކައިވެނިކުރަންތޯ”

“ތިފަދަ މައުޟޫޢުއަކަށް އިންސާފުކުރަން ދޮންބެމީ އެންމެ އެކަށީގެންވާ މީހާއެއް ނޫން”

“އެކަމަކު އަޅުގަނޑަށްވުރެ ތަހުސީނުދޮންބެ ތަޖުރިބާ ގިނަވާނެ ނޫންތޯ”

“ރަނގަޅުވާހަކައެއް، ގިނަ ދުވަހު ދުނިޔޭގައި ހުރި މީހާގެ ތަޖުރިބާ ގިނަވާނެ، ގިނަ ކަންތައްތައް ވެސް ހުންނާނޭ ފެނިފައި، އެހެންވިޔަސް ލޯތްބަކީ ފާޑެއްގެ އެއްޗެއް، ބައެއްފަހަރު ލޯބިވިޔަސް ކައިވެންޏަކާ ހަމައަށް ނުދެވިދާނެ، ނޫނީ ތިމާ އެންމެ ލޯބިވާ މީހާއާ ނީނދެވި ވެސް ދާނެ، އެބަހުރި ލޯބިވާ މީހާއާ ނީނދެވުނެއްކަމަކު އެތައް ކައިވެންޏެއް ނުހަނު ކާމިޔާބު ދިރިއުޅުންތަކަށް ބަދަލުވެފައި، އެހެންވީމާ ތިކަހަލަ ކަންތައްތަކަކީ ގޮތެއް ނިންމާ މިހެންނޭ އެކަން އޮންނަނީ ބުނަން ފަސޭހަ ކަންކަމެއްނޫން، އަމިއްލައަށް ތަޖުރިބާކޮށް އަމިއްލައަށް ނިންމޭ ކަންކަމުން ނޫނީ ނަތީޖާ އަންދާޒާކުރާކަށް ނޭނގޭނެ…”

“ހެ ހެ ހެ ހެ…. ތަހުސީނު ދޮންބެ ހީވީ ވިޔަފާރީގެ ވާހަކައެއް ދައްކަވައިލެއްވިހެން” ޝައުން ހޭންފެށުމުން ތަހުސީނު ވެސް އޭނާއަށް ދެކެވުނު ވާހަކައާމެދު ވިސްނާލާއި ކުޑަކޮށް ހީނލިއެވެ.

“ޝައުން ކުއްޖަކާ ގުޅުނީތަ؟ ކައިވެންޏަކާ ހަމައަށް ދާން ތި ވިސްނަނީ، އެކަމަކު ވިސްނައްޗޭ މަންމަ އާއި ބައްޕަ ރުހޭ ކުއްޖަކު ދިރިއުޅުމަށް ގެންނަން”

“އަޅުގަނޑު އަދި ތިޔަކަހަލަ ވިސްނުމެއް ނުގެންގުޅެން، ތަހުސީނުދޮންބޭ! އަބަދު ދެ މީހުން ދެބަސްވެ ޒުވާބުކުރާނަމަ އެ ދެމެދުގައި ލޯބި އޮވެދާނެކަމަށް ޤަބޫލުކުރެވޭތޯ، އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާނަމަ އަދި ދެމީހުން އެކުގައި އުޅެން ބޭނުންވާނަމަ އެކަކު ވެސް އަނެކަކު ދެރަވާނޭ ކަހަލަ ކަމެއް ނުކުރާނެއެއްނު، އަނެއްކާ ދެމީހުން އެހާ ގިނަ ދުވަސްވާންދެން އެކުގައި އުޅޭއިރު ދެމީހުންގެ ގޮތް ނޭނގި ހުރެދާނެބާ”

“އަމިއްލަ ދިރިއުޅުމުގެ ވާހަކަ ނޫނީ ދެން ކާކުގެ ވާހަކައެއް ޝޯން ތިދައްކަނީ، އަނެއްކާ އީތަންތަ؟ ޝޯން ނުރުހޭ ކަމެއް އީތަން ކުރަނީ ދޯ” ޝައުންގެ ވާހަކަތައް ހުރި ގޮތުން އޭނާގެ ވާހަކައިގެ މުރާދު ދެނެގަންނަން ތަހުސީނަށް އުނދަގުލެއްނުވިއެވެ. ނުވިތާކަށް ތަހުސީނުގެ ވާހަކައަށް ޝައުން ހިނިތުންވެލި ގޮތުން އިތުރަށް ޔަޤީން ވިއެވެ. އެކަމަށް ތަހުސީނު އެއްވެސް ޚިޔާލެއް ނުދިނެވެ.

“ޔޫ ގައިޒް އަރ ބެސްޓްފްރެންޑްސް، ސޯ ޑީލް ވިތް އިޓް” ކުޑަކޮށް ހިނިތުންވެލައިގެން އިނދެ ތަހުސީނު ބުނެލިއެވެ.

“ތަހުސީނުދޮންބެ ޔަންގުއިރު ފޯލްވާވަރުގެ ގާލްއަކާ ދިމާނުވަނީތޯ؟ ލޯބިވާ ކުއްޖާ ނުލިބުނީމަ ދޮއްތޯ މެރީ ނުކުރެއްވީ” ކިތަންމެ ބާރަށް ހިތް ތެޅެމުން ދިޔަ ނަމަވެސް ޝައުންގެ މޫނުމަތީގައިވަނީ ލޭނެތްކަމުގެ ކުލަވަރެވެ.

ވަގުތުން އިސްޖަހާލުމާއެކު އެއްބައި ބޮއެފައި ހުރި ފެންތަށީގެ މަތީ ކައިރިފަށުގައި ތަހުސީނުގެ ކަނާތު އިނގިލިތަކުގެ ކޮޅުން ފިރުމާލިއެވެ. އަމިއްލަ ދިރިއުޅުމުގެ ވާހަކަ ޝައުންއަށް ކިޔައިދޭން ތަހުސީނު ބޭނުމެއްނޫންކަން އޭނާގެ ހިމޭންކަމުން ދޭހަވެއެވެ. އަނގައިން ނުބުނެ އިރުކޮޅަކު އިނީ ޚިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. އެހެން އިނދެފައި ފެނުނީ ތެދުވިތަނެވެ. ތަހުސީނު ފެންތަށި އެއްކޮށް ބޯލުމަށްފަހު ބިއްލޫރިތަށި ބަހައްޓާފައި ފެންފުޅި އައިސްއަލަމާރިއަށް ލިއެވެ.

“ސޮރީ… އައި ޖަސްޓް ގޮޓް ކިއުރިއަސް” އިސްޖަހާލަމުން ޝައުން ބުނެލިއެވެ.

“އެއީ މާކުރީގެ ވާހަކައެއް، ޝޯން ދުނިޔެއަށް އަންނާނެކަން ވެސް އޭރު ނޭނގޭ، އެހާކުރީގެ ވާހަކަތަކަށް ދޮންބެ ދައްކާކަށް ބޭނުމެއްނޫން، އެނގޭ ޝޯންގެ ތިއުމުރަކީ ކަންކަން ދެނެގަނެ އައުކަންކަން ތަޖުރިބާ ކުރާހިތްވާނޭ އުމުރެއްކަން… އެކަމަކު ބުނަން، އަންހެންކުދިންނަކީ ފިރިހެނުން ބޭނުން ގޮތަކަށް އިސްތިއުމާލުކުރުމަށް ހެދިފައިވާ އެއްޗެއްނޫން، ދުނިޔެއަށް އިންސާނާ ނޭވާލަނީ އަންހެނެއްގެ ފުށުން، އެހެންވީމަ، މަންމައަށް ކުރާ ޤަދަރާ ޢިއްޒަތް، ކޮންމެ އަންހެންކުއްޖަކަށް ވެސް ކުރަންވާނެ، އެއްމަލަށް ޖައްސަމުން އަނެއްމަލުން ފޮނިބަމުންދިއުމަކީ ރީތި އުޅުމެއްނޫން، ޝޯން ހަރުދަނާ ޒުވާނެއްކަމުގައި ދޮންބެ ހީކުރަނީ… މިފަދަ ހުރިހާ ކަމަކާމެދު ޝޯން ވިސްނާނެކަމުގައި އުންމީދުކުރަން”

ތަހުސީނުގެ ވާހަކައަށް ޝައުން ބޯޖަހާލިއެވެ. އޭނާގެ ކޮނޑުގައި އައިސް ތަހުސީނު މަޑުމަޑުން ޖަހާލިއެވެ. އަދި ބަދިގެ ފަރާތުން ދިއުމަށް އިޝާރާތްކޮށްލިއެވެ. މެންދުރުފަހު ވަރަށް ގަދަ ފުޓުބޯޅަ މެޗެއް ދައްކަން އޮތްކަން ޝައުންގެ ގާތުގައި ތަހުސީނު ބުންޏެވެ. އެއާއެކު މާޙައުލުގެ ހިމޭންކަން ކެނޑިއްޖެއެވެ. ޝައުންގެ ފޯރި ގަދަވެ މެޗާ ގުޅިގެން ސުވާލުކުރަން ފެށިއެވެ.

* * * *

ސިއްރުން ކުރިމަތީ އިން ޖަޒްލާއަށް ކައިލަން ބަލަމުން ދިޔައެވެ. އޭރު ޖަޒްލާގެ އަތުގައި އޮތް މާބޮނޑި ބޮޑުކަމުން އޭނާއަށް ދެއަތުން ރަނގަޅަށް ނުވެސް ހިފެއެވެ. މައުތަކުގައި ވަސްގަންނަމުން ދިޔައިރު އޭނާއަށް ލިބިފައިވާ އުފާވެރިކަން އެ މޫނުމަތިން ފާޅުވޭވޭހުއްޓެވެ. ހިނިތުންވެލައިގެން އިންއިރު ދެ ތުންފަތް ހިނދުކޮޅަކަށް ވެސް ކައިރިނުވެއެވެ. ފިޔަތަކުގައި ބޮސްދިނުމާއެކު އިނގިލިތަކުން ކުޅެލައެވެ.

“އައި ނިއު ޔޫ ވުޑް ލަވް އިޓް” ހިނިތުންވެލަމުން ކައިލަން ބުނެލިއެވެ.

“އުފަލުން ގޮސް މޮޔަވަނީ މިއޮއް، ކައިލް ހާދަ ރަނގަޅޭ… މިހާ ބޮޑު މާބޮނޑިއެއް އަދި ދުވަހަކު ވެސް ނުލިބޭ، ހުރިހާ މަލަކީ ވެސް އަހަރެންގެ ފޭވަރިޓު މާތައް، ޔޫ ނޯސް ސޯ މަޗް އަބައުޓްމީ”

މާބޮނޑި ހިފައިގެން އައިސް ކައިލަން އިން ސޯފާގައި ޖަޒްލާ އިށީނެވެ. އަދި ކުރިމަތީ ހުރި ތިރިބިއްލޫރި މޭޒުމަތީ މާބޮނޑިބާއްވަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ.

“މިތާ ކައިލްއެކަނިތަ އިންނަނީ، ކީއްވެ ކުއްލިއަކަށް މިތަނަށް އަހަރެން ތިގެނައީ، ގެއަށް ދިޔަ ނަމަވެސް މި މާބޮނޑި ދެވުނީހެއްނު” އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން ކައިލަންއާ ކުރިމަތިވާނޭހެން ކުޑަކޮށް އެނބުރިލިއެވެ.

“އަހަރެން މިހާރު މީ ކުންފުނީގެ ސީއޯއޯ، އޮފިޝަލީ އެކަން ބައްޕަ އަންގަވައިފި، މީ ސީއޯއޯގެ ކެބިން”

“އަސްލުވެސްތަ؟ ކޮންގްރާ… ތިޔަހެންވިއްޔާ އަހަރެން ވެސް ވާނެއެއްނު ކައިލްއަށް ހަދިޔާއެއްދޭން، މަރުޚަބާ ކިޔުމަށް”

“ޖޭޒް ހަދިޔާއެއް ދޭހިތްވަންޏާ ދިނަސް އަހަރެންގެ މައްސަލައެއްނެތް، އެކަމަކު މިރޭ އަހަންނާއެކު ޑިނާއަށް ދާންވާނެ، އިޓްސް މައި ޓްރީޓް”

“މިއޮފީސް ވަރަށް ސަޅި، މިތަނަށްވަނީމަ ހީވޭ މީ ސީއޯއޯ އިންނަވާ ކޮޓަރިކޮޅެއްހެން، ހާދަ އަންހެންކުދިން ވެސް ގިނައޭ މި ޕްލޯގަ، އެއީ ވެސް ހަމަ ސީއޯއޯގެ ޚިދުމަތުގައިތަ؟” ޖަޒްލާ ލާނެތްގޮތަކަށް ލޮލުގެ ހިމަކޮޅުން ކައިލަންއަށް ބަލާލިއެވެ.

“ވަޓް… ޖޭޒް މަށާ ދިމާކުރަނީ ދޯ. އަހަންނަށް އެނގޭ އެއްޗަކީ މިތާއުޅޭ އެއްވެސް އަންހެންކުއްޖަކާ ޖޭޒްއާ އެއްވަރެއް ނުވެވޭނެކަން، އަދި އަހަރެން ޖޭޒްއާ މެދު ދެކޭ ގޮތަށް އެހެން އަންހެންކުއްޖަކަށް ބަލައެއް ނުލެވޭނެ… މި.. މި ބުނީ.. އަހަރުމެން ދެމީހުންނަކީ އެއަށްވުރެ މާ ގާތް ދެ ރަޙުމަތްތެރިންނެއްނު… ދޯ…” ރަޙުމަތްތެރިކަމުގެ ގުޅުމުން ނިންމާލުމަކީ މި ފަހަކަށް އައިސް ކައިލަންއަށް ފަސޭހަކަމަކަށް ނުވެއެވެ. ހިތުގެ ހާލު ކޮންމެވެސް ގޮތަކުން ފާޅުކުރި ނަމަވެސް އެކަން އެނގޭ ކަމަކަށް ޖޭޒް ނުހަދައެވެ. ފަހަރެއްގައި ކައިލަންގެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަން ޖޭޒްއަށް ނޭނގެނީކަމަށް ވެދާނެއެވެ.

“އަދިވެސް ނުބުނަމެއްނު މިރޭ ޑިނާއަށް ދާނަންކަމެއް” ޖަޒްލާ ތެދުވެ ކައިލަންގެ ކެބިންގެ އެކިތަންތަން ބަލަން ފެށުމުން އޭނާ އަހާލިއެވެ.

“އީތަންއާއެކު މިރޭ ބޭރަށް ދާން ކިޔައިގެން މިއުޅެނީ”

“އެހާ ގިނައިރެއްނުވާނެއޭ، ނޫނީ ތި ދެމީހުން ބައިވެރިވާންވީނު”

“ދެ މީހުން… އީތަން… ކައިލް، އެހާ ލަހަކުންނޫނެއްނު ޑިނާ ނަގާނީ، އެހެންވީމަ އަހަންނަށް ދެވިދާނެ، އީތަން އަންނާނީ ދިހައެއް ޖަހާކަންހާއިރު، އޯކޭނު”

“ޔެސް! އަހަރެން ދާނަން ޖޭޒް ބަލާ، ހިނގާ ގެއަށް ގެންގޮސްދޭނަން”

“އޮފީސްގަޑި ނިމުނީތަ؟ އަދި ހަތަރެއް ވެސް ނުޖަހާ”

“މިއަދު ތަންކޮޅެއް ކުރިން ނިންމާލާންކަމަށް، މުހިއްމުކަމެއް އޮވެއްޖެއްޔާ އަހަންނަށް ގުޅާނެ، އޭރުން ދެން އަންނާނީ” ސޯފާއިން ތެދުވެ ކައިލަން އޭނާގެ ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލިއެވެ. އަދި ގަމީހުގެ ބެގީ ހުރީ ރަނގަޅަށްތޯ ބަލާލުމާއެކު މޭޒުމަތީ އޮތް މާބޮނޑި ނަގަމުން ޖަޒްލާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

* * * *

އިރުއޮއްސި މަޤުރިބު ނަމާދަށް ގޮވުމާއެކު އިނާޔާ އައިސް ޓީވީ ނިވާލިއެވެ. އަދި ސޯފާގައި ދެފައިވަށްކޮށްގެން ކާޓޫނު ބަލަންއިން ނައޫފަށް ގޮވާލިއެވެ.

“ބަންގި ގޮވީއެއްނު، ބައްޕައާއެކު މިސްކިތަށް ވެސް ނުދާ ދުވަހެއްތަ؟ ކާޓޫނުގައި ޖެހިފައި އިނީ ދޯ… އާންޓީ އަންނަންވާއިރަށް ހިނގާ މަންމައާއެކު ނަމާދުކޮށްލަން، އާންޓީ ބުންޏެއްނު މިއަދު ހާށިވަނީގެ ކޮންމެ އަކުރަކަށް ބަހެއް ހަދަންވާނެއޭ، އޭގެ އެއްބައެއްނު އަދި ނިމުނީ، އެ މަސައްކަތް ނިންމާލީމާ އާންޓީ އައިސް ސްޓަރއެއް ދޭނީ، ނައޫފު މޮޅުވާހަކަ ބައްޕަ ގާތުގައި ވެސް އާންޓީ ނަންގަންނާނެ”

“ކޮއްކޮ އަތްވަރުބަލިވީމަ ބެހެއްޓިއޭ، ޑެޑީއާއެއްކޮށް މިސްކިތަށް ދިޔަތަނާ އެތާ ހުރި މީހާ ކޮއްކޮ ފިއްތާލީ، ހުރިހާ މީހުން ތިބެނީ ފިތިގެން، ދެން ކޮއްކޮ ކިހިނެއް ނަމާދުކުރާނީ، މަންމައާއެއްކޮށް މަންމަގެ ކޮޓަރީގައި ނަމާދުކުރާނީ، މަންމަ ވެސް ނުދަމެއްނު މިސްކިތަކަށް”

ނައޫފުގެ ވާހަކައިން ކަންތައްވީގޮތް އިނާޔާއަށް އެނގުނެވެ. ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ފާޅުނުކޮށް ނައޫފުގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

ހަތެއް ޖަހަން ކައިރިވަމުން އައިއިރު ޖަޒްލާ ތައްޔާރުވަމުން ދިޔައީ ކައިލަން އަންނާނެ އިރަކަށެވެ. އޭނާގެ ސިކުނޑީގައި ޚިޔާލެއް އެނބުރޭތާ ދެތިން ދުވަހެއް ވެއްޖެއެވެ. ކާމިލުގެ ފަރާތުން ކުރިމަތިވާ ސުވާލަށް ޖަވާބުދޭން ޖަޒްލާ ވެސް ބޭނުމެއްވެ. އަނެއްކޮޅުން އީތަން ހީވަނީ ޖަޒްލާގެ އުޅުމާމެދު ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ވީގޮތެއް ނުބުނެއެވެ. ގިނަ ފަހަރަށް ސުވާލުކުރަނީ ކައިލަން މާގިނައިން އެގެއަށް އަންނަންޖެހޭ ސަބަބަކާމެދުއެވެ. ކައިލަންއާއެކު ރިސޯޓުތަކަށް ދިއުން މަދުކޮށްލުމަކީ ވެސް އީތަން، ޖަޒްލާއަށް ދިން ޚިޔާލެކެވެ. ހަމައެއާއެކު ޖަޒްލާގެ ގާތުގައި އަބަދުމެ އުޅެމުން އައި އީތަންއަށް މިފަހަކަށް އައިސް އެގެއަށް އައިސް އުޅެވޭކަމަކަށް ނުވެއެވެ. ގިނަ ފަހަރަށް ގުޅާލީމާ ވެސް ބުނަނީ ރައްޓެއްސަކާއެކު ކޮންމެވެސް ކަމެއް މަޝްޢޫލުވެ އުޅޭ ވާހަކައެވެ. އެއީ ކާކުކަމެއް ވެސް އީތަން ޖަޒްލާއަށް ބުނެއެއްނުދެއެވެ. އިނާޔާ ބުނާހެން އީތަން އޭނާއާ ވަކިވެދާނޭތީ އެކަމާ ޖަޒްލާއަށް ވިސްނެއެވެ. ކައިލަންއާ ބައްދަލުކުރާ ކޮންމެ ފަހަރަކީ މިހާރު އީތަންގެ ގާތުގައި އެ ވާހަކަ ޖަޒްލާ ކިޔައިދޭ ވާހަކަތަކެއް ނޫނެވެ. ކައިލަންއާއެކު ރޭގަނޑުގެ ކެއުމަކަށް ދާން އުޅޭކަން ވެސް ޖަޒްލާ ސިއްރުކުރީ އެހެންވެއެވެ. އީތަން ހިތްހަމަނުޖެހެން ބޭނުންނުވާތީއެވެ.

ފޯނުގެ ރިންގާއެކު ޖަޒްލާ ފޯނަށް ޖަވާބު ދިނެވެ. އަދި ނިކަން އަވަހަށް ލޯގަނޑަށް ބަލާލީ އޭނާގެ ރީތިކަމުގައި އައިބުވާނޭ ސިފައެއް ހުރިތޯއެވެ. އަވަސް ހިނިތުންވުމެއް ލޯގަނޑުން ފެންނަމުން ދިޔަ ސޫރައާ ބަދަލުކޮށްލުމާއެކު ފޯނު ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ.

“ޔޫ ލުކް ސްޓަނިންގ”

ކާރުގެ ކުރީ ދޮރުފަތް ހުޅުވާލާފައި ޖަޒްލާ އަރާ އިށީނުމުން ކާރު ދުއްވަން އިން ކައިލަން ބުނެލިއެވެ. ޖަޒްލާގެ ރީތިކަމަށް މީހުން ތަޢުރީފު ކުރުމަކީ އަބަދުވެސް އޭނާގެ ހިތް އުފާވާކަމެކެވެ. ބައެއްފަހަރު އީތަންއަށް ވުރެ ވެސް ބޮޑަށް ޖަޒްލާގެ ހިތް ކައިލަން އެނގޭތީ އެކަމާ ޚުދު ޖަޒްލާ ހައިރާންވެއެވެ. އޭނާގެ ކުދިކުދި ކަންތައްތަކަށް ކައިލަން ސަމާލުކަން ދޭކަން އެކަމުން އެނގެއެވެ.

މާލެގައި އަލަށް ހުޅުވުނު ރެސްޓޯރެންޓެއްގެ މަތީބައިގައި ކައިލަން އާއި ޖަޒްލާއަށް ޚާއްޞަ ކުރެވިފައިވާ މޭޒެއް ހުއްޓެވެ. އެތަނަށް އަރައިގެން ދިޔައިރު ކައިލަންގެ ލޮލުގައި ކޮންމެ މީހަކާ ވާހަކަދައްކަން ރެސްޓޯރެންޓުގެ ތިރީގައި އަތުރާފައި ހުރި މޭޒުތަކުން އެންމެ ބިއްދޮށަށް ހުރި މޭޒުގައި އިން އީތަން އަޅައިގަތެވެ. އެހިނދު ބޭރަށް ލަމުން ދިޔަ ނޭވާ ހިފަހައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އެންމެ ސުކުންތެއް ވެސް ލަހެއްނުވެ ގާތުގައި ހުރެ ސިޑިން އަރަމުން ދިޔަ ޖަޒްލާއަށް ކައިލަން ބަލާލިއެވެ. ނަސީބު މިރޭ ކައިލަންއަށް ފުރުޞަތު ދިނީކަމެއް ނޭނގެއެވެ. ޖަޒްލާއަށް އެ ތަނުގައި އީތަން އިންކަމެއް ނޭނގެއެވެ. އެމީހުން ތިބުމަށް ހަމަޖެހިފައި ހުރި މޭޒުގެ ދޮށުގައި އައިސް ދެމީހުން އިށީނެވެ. ކައިލަންގެ ނަފްޞަށް ލިބުނު ސިހުމާއެކު ވާހަކަދައްކަން އިރުކޮޅެއް ނެގިއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަތަކުން އެ ރެސްޓޯރެންޓުގައި އީތަން އިންކަމެއް ޖަޒްލާއަކަށް ނޭންގިއެވެ. އީތަންއަށް އެމީހުން ފެނުނުކަމެއް އަދި ނުފެންނަކަމެއް ވެސް ޚުދު ކައިލަން އެނގެނީއެއް ނޫނެވެ. އެހެންވެ އޭނާ ޖަޒްލާއާއެކު ހޭދަކޮށްލަން ލިބުނު ވަގުތު ހަރާބުވެގެން ދިޔަ ދޭން އެއްގޮތަކަށް ވެސް ބޭނުން ނުވީއެވެ.

“ކައިލް، އަހަރެން ކަމެއް ޑިސްކަސްކޮށްލަން އެބައޮތް”

“އަވަހަށް ބުނޭ”

“އެބަ ވިސްނަން އަމިއްލަ މަސައްކަތެއް ކުރަންފަށަން، އީތަން ވެސް އޮފީހުގައި އެހާ ބިޒީ، ދުވާލުއެއްކޮށް ކަހަލަ ގޮތަކަށް އަހަރެން ހުންނަން މިޖެހެނީ ގޭގައި ފޫހިވެފައި، ރައްޓެހިންނާއެކު ބޭރުގައި އުޅެވިދާނެ، އެކަމަކު ކުރިންވެއްޖެއްޔާ ކައިލްއަށް ވެސް އެނގޭނެ ހުރިހާ ވަގުތަކުން އީތަން އުޅޭކަން އަހަންނާއެކު…”

“އޮފީހަށް ވަންނަންތައް ނޫނީ ބިޒްނެސް އޯނަރަކަށްވާންތަ ބޭނުންވަނީ”

“އަހަރެން ބޭނުމެއްނޫން މީހެއްގެ ކައިރިއަށް ވަޒީފާ އަދާކުރާން ދާކަށް، އެހެންނޫނަސް އަހަންނަށް އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ފެށެން އޮއްވާ މީހުންނަށް ނޯކިރީކޮށްދޭންވީ ކީއްކުރަން، އޭރުން ބައްޕަގެ ނަމަށް ވެސް ހުތުރެއްނު، ބައްޕަ ވެސް ބުނުއްވާފައި އޮތީ، ކުރާހިތްވާ މަސައްކަތެއް އޮތިއްޔާ ބުނާށޭ، އޭރުން ބައްޕަގެ ފުލް ސަޕޯޓް ދޭނަމޭ، މިހާރު ވެސް ބައްޕަ ކިހާ ރަނގަޅު”

“ގޯސް ޚިޔާލެއްނޫން، ޖޭޒް ތިކަހަލަ ވިސްނުމެއް ގެންގުޅެންޏާ އަހަރެންގެ ވެސް އެބައޮތް އިންޓަރެސްޓެއް، ކިހިނެއްވާނީ އަހަރުމެން ދެމީހުން ކަމެއް ފެށުން، އަހަރެން ވެސް ޖޭޒްއަށް އިންވެސްޓުކޮށްދީފާނަން، އަދި ޖޭޒްގެ ތި ބިޒްނަސް ހިންގުމަށް އެހީތެރި ވެސް ވެދޭނަން… މައްސަލައެއްނެތް ފިފްޓީ ފިފްޓީ ޕާޓްނާރސްއަށް ނުވިޔަސް، ސެވެންޓީ ތަރޓީ ވެސް މަށަށް އޯކޭވާނެ، ބޭނުމަކީ ޖޭޒްއަށް އަހަރެންގެ ފަރާތުން ފައިނޭންޝިއަލް ހެލްޕެއް ލެންޑުކުރުން” ހިތުގައި އޮތް އެއްޗެއް ކައިލަން ހާމަކުރުމުގައި ބައެއް އުނިކުރަން އޭނާއަށް ޖެހުނެވެ. ހިތް އެދެނީ ޖަޒްލާއާ އޮތް ގުޅުން ބަދަހިވާން ކަމުގައިވާއިރު އަނެއްކަމަކީ ޖަޒްލާގެ ހިތުގެ ވިންދާ އަމިއްލަ ހިތުގެ ވިންދު ގުޅާލުމެވެ. އީތަން ހުރި މަޤާމުގައި ކައިލަންގެ ފައިތިލަ ހަމަކޮށްލުމެވެ.

ކައިލަންގެ އެހީތެރިކަން ޖަޒްލާ ޤަބޫލުކުރިއެވެ. ދެމީހުންގެ ވާހަކަތަކާއެކު ކެއުމުގެ ކަންތައްތައް ކުރިއަށް ގޮސް އެންމެ ފަހު ކަމެއްގެ ގޮތުން ކެއި އެއްޗެހީގެ ބިލު ވެސް އަތުވެއްޖެއެވެ. އެ ބިލަށް ފައިސާ ދެއްކުމާއެކު ޖަޒްލާ ގޮވައިގެން ކައިލަން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ސިޑިން ފައިބަމުން ފުރަތަމަ ވެސް ކައިލަން ބަލާލީ އީތަން އިންތޯއެވެ. ނަމަވެސް މިހާރު އޭނާއެއް ނެތެވެ. ހަމަޖެހުމުގެ ނޭވާއަކާއެކު ޖަޒްލާގެ އަތުގައި ހިފާލަމުން ހިނިތުންވެލައިގެން ހުރެ ރެސްޓޯރެންޓުން ނުކުތެވެ.

ކާރުގައި މާލޭގެ ވަށައިގެން އޮތް މަގަށް ކައިލަން ނުކުތީ ޖަޒްލާ ގެއަށް ގެންދިއުމުގެ ކުރިން އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގަސްދުކޮށްގެންނެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނު މަގުން ވަކި ހިސާބަކަށް ދެވުނު ތަނާހެން ޖަޒްލާއަށް ފޯނެއް އަތުވެއްޖެއެވެ. އެ ފޯނު ކޯލަށް ޖަވާބުދީ ނިމުންއިރު އޭނާގެ މޫނުމަތި ވަނީ މިލާފައެވެ.

“ކިހިނެއްވީ؟ ކާކު ގުޅީ” ޖަޒްލާއަށް ބަލާލަމުން ކައިލަން އަހާލިއެވެ.

“އީތަން… ކޮންތާކަށް މިދަނީ؟ ކައިލް… ވަރަށް އަވަހަށް އަހަރެން ގެއަށް ގެންގޮސްދީބަލަ” ޖަޒްލާ ދޮރުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ބަލަންފެށިއެވެ. ހީވީ އެންމެ އަވަހަށް ގެއަށް ދެވޭނޭ ގޮތެއް ހޯދަމުން ދިޔަ ހެންނެވެ.

“ކީކޭ އީތަން ބުނީ”

ކައިލަންގެ އެ ސުވާލު އިވޭ ކަމަކަށް ޖަޒްލާ ނުހެދިއެވެ. އޭގެ ބަދަލުގައި މުޅިން އެހެން ވާހަކައެއް ދައްކަންފެށިއެވެ. ކައިލަންއަށް ހައިރާންކަމެއް ލިބުނެއްކަމަކު އިތުރަށް ސުވާލެއް ނުކުރިއެވެ. ޖަޒްލާގެ ވާހަކަތަކަށް އޭނާ ޖަވާބުދެމުންދިޔައެވެ. ގިނަ އިރެއްނުވެ ކައިލަން ދުއްވަމުން ދިޔަ ކާރު އައިސް މަޑުކޮށްލީ މާފަންނު ޑޯންއަށެވެ.

“މާދަން ގުޅާނަން، ދެން ދަނީ އިނގޭ… ގުޑް ނައިޓް” ޖަޒްލާ މިހެން ބުނެ ކައިލަންއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ކާރުން ފައިބައިފިއެވެ. އަދި ފަސްއެނބުރި ކައިލަންއަށް ބަލާލުމެއްނެތި ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަދެގެން ދިޔައެވެ.

ސިޓިން ރޫމަށް ވަން އިރު ސޯފާގައި އިން އީތަން ޖަޒްލާއަށް ފެނުނެވެ. އެތަނުގައި ކާމިލު އާއި އިނާޔާ ވެސް ތިއްބެވެ. ޖަޒްލާ ފެނުމުން ކާމިލު އޭނާއަށް ގޮވާލިއެވެ. އަދި އީތަން ގާތު އަންނަން ބުނެފައި ކޮންތާކަށްތޯ ދިޔައީ ސުވާލުކޮށްލިއެވެ.

“ބައްޕާ، އަޅުގަނޑު ވަރަށް މުހިންމު ކަމަކު ބޭރަށް ދިޔައީ، ލަހެއް ނުވެ މިއައީނު، ވަރަށް އުފާވެރި ޚަބަރެއް ވެސް އެބައޮތް ބައްޕައަށް ދޭންވެފައި”

“އަސްތާ! ތިޔަހެންވީރު ތިޔައީ ބޮޑުކަމަކައިގެން…. އުފާވެރި ޚަބަރެއްވިއްޔާ ލަސްކުރާނެކަމެއްނެތެއްނު” ހިނިއައިސްފައި ސޯފާގައި ކާމިލު ހަމަޖެހިލިއެވެ.

އީތަންގެ ލޮލުން އެހެންމީހުންނަށް ފާހަގަނުވާ ކަމެއް ޖަޒްލާއަށް ފާހަގަކުރެވެމުންދިޔައެވެ. އެހާ ވަރަކުން އޭނާ ދިޔައީ ކޮންބޭނުމެއްގައިކަން ހާމަކުރެވޭތޯ ޖަޒްލާ އުޅެނީ އީތަންއަށް އެއްޗެއް ވިސްނައިދޭން ކަހަލައެވެ. ނިކަން އަވަސްއަވަހަށް ހިމޭނުން އިން އީތަންއަށް ޖަޒްލާ ނަޒަރު ހިންގާލައެވެ. ނަމަވެސް އޭނާ އެއްޗެއް ބުނާން ގަސްދުކުރާހެނެއް ހިޔެއްނުވެއެވެ.

“އަޅުގަނޑު މަސައްކަތެއް ފަށަން ނިންމައިފިން، އަޅުގަނޑުގެ މަސައްކަތުގައި ކައިލް ވެސް ޚިއްޞާވާނެކަމަށް ބުނެފި، އޭނާއަކީ ވިޔަފާރީގެ ތަޖުރިބާ ހުންނާނެ ޒުވާނެއް… ނޫންތޯ ބައްޕާ… މިހެން މަސައްކަތެއްނުކޮށް ގޭގައި ލައްކަ ދުވަހު ހުރެވިއްޖެއެއްނު”

“އަލްހަމްދުލިއްﷲ! ދަރިފުޅުގެ ތިނިންމުން ވަރަށް ރަނގަޅު، މަންމަ ވަރަށް އުފާވެއްޖެ އީތަންއެކޭ އެއްގޮތަށް ޖަޒްލާ ވެސް މަސައްކަތެއް ކުރާން ވިސްނީމާ”

“އިނާޔާ، އަހަރެން ނުބުނަންތަ ވަގުތު ޖެހުނީމާ ޖޭޒްގެ ފަރާތުން ވެސް ހަރުދަނާކަން ފެންނާނޭ، ދަރިފުޅާ ޖޭޒް، ތި ދިނީ ހަޤީޤަތުގައި ވެސް ވަރަށް އުފާވެރި ޚަބަރެއް… މާދަމާ ހެނދުނުން ދަރިފުޅު ތި ފަށަންއުޅޭ މަސައްކަތުގެ ތަފްޞީލު އިވޭނޭކަމަށް ހީކުރަން، މިވަގުތު ދެން އީތަންއާ ވާހަކަދައްކާލާ، ދޭ ބަލަ އީތަންއަށް ކާންހަދައިދޭން… ބައްޕަމެން ބުނީމާ ވެސް ނުދިޔަ، ކޮފީހެއް ހަދައިދޭން އުޅުނީމާ ވެސް މަނާކޮށްފި…” ކާމިލު ހިނިތުންވެލަމުން އީތަންއަށް ބަލާލިއެވެ.

“އަޅުގަނޑު ކައިގެން އައިސް އިނީމާ ކިހިނެއްތޯ ކާނީ”

“އާދޭ އީތަން” ޖަޒްލާ ބަދިގެ ފަރާތަށް ހިނގައިގަންނަމުން ބުނެލިއެވެ. އޭނާގެ ފަހަތުން ބަދިގެއާ ހަމައަށް އީތަން އައިސްފައި ކުއްލިއަކަށް ހުއްޓުނެވެ. އަދި ޖަޒްލާގެ އަތުގައި ހިފާ އޭނާ ވެސް ހުއްޓުވިއެވެ.

“އަހަރެން ވާހަކަދައްކަން ބޭނުންވަނީ ޖަޒްލާގެ ކޮޓަރީގައި” ޖަޒްލާގެ ފުރިހަމަ ނަން އީތަން ބޭނުންކުރި ކުރުމުން ވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ޖަޒްލާއަށް އެނގުނެވެ. އޭނާ ބަހެއް ނުބުނެ އަތުން އިޝާރާތްކޮށްލީ ސިޑިއާ ދިމާއަށެވެ. ހަލުވިކޮށް ސިޑީގެ ހަރުފަތްތައް ހުރަސްކޮށްފައި ޖަޒްލާ މައްޗަށް އެރިއިރު އޭނާގެ ފަހަތުން އީތަން ވެސް އެރިއެވެ.

“ކޮންތާކުން ތިއައީ؟” ޖަޒްލާގެ ކޮޓަރީގެ ދޮރުލައްޕާލުމާއެކު އީތަން ސުވާލުކޮށްލިއެވެ.

“ބޭރުން މިއައީ”

“ކައިލަންއާއެކު ޑޭޓަކަށް ގޮސްފައޭ ކީއްވެތަ ނުބުނެވުނީ”

“އީތަން! ޖެލަސްވިޔަސް ތީ ބޮޑުވަރު، ކައިލަންއަކީ އަހަރެންގެ ބެސްޓްފްރެންޑޭ ކިހާވަރަކަށް ބުނާނީ، އަހަރުމެން ދެމީހުންގެ ދެމެދުގައި ލޯބިވެރިންގެ ގުޅުމެއްނޯވޭ، ސޯ ގްރޯ އަޕް… އަހަރެން ވެސް އީތަންގެ ބެސްޓުފްރެންޑާއެކު އުޅޭ ވަގުތުތަކުގައި ޝަކުވާއެއް ނުކުރަން… އެއީ ދުނިޔޭގައި އުޅޭ މީހެއްކަމެއް ނޫނީ އީތަން އަހަންނަށް އޮޅުވާލާން ކިޔާ އެއްޗެއް ކަމެއް ވެސް އަހަންނަށް އެނގެނީއެއްނޫން، ދުނިޔޭގައި ހުރި މީހަކުނަމަ އަހަންނާ ބައްދަލު ވެސް ކޮށްދިނީހެއްނު…. މިހާރަކަށް އައިސް އީތަން އުޅޭގޮތެއް އަހަންނަކަށް ވެސް ނޭނގޭ، އަހަރެން ވިއްޔާ ދަނީ ކައިލަންއާއެކުކަން ވެސް އީތަން އެބަ އެނގޭތާ”

“ޖަޒްލާގެ ހިތް އޮތްގޮތް އަހަންނަށް އެނގުނަސް ތި ކައިލަންގެ ހިތްއޮތް ގޮތޭ ގޯހީ… އެކަން ޖަޒްލާއަށް ނޭނގެނީ ކީއްވެތަ، އަހަރެންގެ ބެސްޓުފްރެންޑަކީ ފިރިހެނެކޭ… ޖަޒްލާ އަންހެނަކަށްވެ ހުރެ ތިއުޅެނީ ފިރިހެނަކު ގާތްކޮށްގެން، އޭނާގެ ހިތް ޖަޒްލާއާ މެދު އޮތްގޮތް ބަދަލުވެދާނޭ ހިތަކަށް ނާރާތަ…. މިރޭ ވެސް ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު ހީވަނީ ރައްޓެހިވެގެން އުޅޭ ދެމީހުންހެން… ފެނުނީމާ ވެސް ފެންނަ ކަމަށް ނުހަދާ ސިޑިން އަރައިގެން ދިޔައީ… އާން! އަހަރެން އޭރު އިނީ އެތަނުގައޭ، ކައިލަންއާއެކު ދާންވީމާ އަހަރެން ގާތު ނުވެސް ބުނެވޭ، ޖަޒްލާ ހުންނަ ތަނެއްގައި ކައިލަން ނުހުރެއެއްނުދޭ”

“ބުނަން އީތަން، ތީ އަހަރެން ވަރަށް ފޫހިވާ ސިފައެއް، އަހަރެން ލޯބިވަނީ އީތަންދެކެއޭ ބުނީމާ ވެސް ޤަބޫލުނުކުރެވެންޏާ ދެން ހަދާނޭ ގޮތެއް މަށަކަށް ނޭނގެ، ނޫނީ މިހާރު އަހަރެން ދޫކޮށްލާފައި އެހެން ދިމާލަކަށް ދާންވީ ދޯ، އެއީތަ ތި ނުވެގެން އުޅޭ ކަމަކީ، އަހަންނާއި ކައިލަންއަށް ބްލޭމްކޮށްފައި ތިމާގެ ކުށެއްނެތްކަން ދައްކަން ބޭނުންވަނީ ދޯ”

“އަހަންނާ އިންނަން ހިނގާ” ކުއްލިއަކަށް އީތަން ބުނި އެއްޗަކުން ޖަޒްލާ ހުއްޓުން އެރިއެވެ. އޭނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ ކުރިއަށް ޖެހިލާފައި އަނެއްކާ ވެސް އީތަން ވާހަކަދެއްކިއެވެ.

“ނީވުނުތަ؟ އަހަރެން މި ބުނީ ޖޭޒް އަހަންނާ މެރީ ކުރާށޭ”

“އީތަން މޮޔަވީތަ؟ ކުއްލިއަކަށް ބުނާއިރަށް ކިހިނެއްތަ މެރީ ކުރާނީ”

“އަހަންނާ މެރީ ކުރަން ބޭނުންނުވަނީ ދޯ، އަހަރެން އެހެންމީހަކު ބޭނުމެއްނޫން، އެހެންމީހަކު ދެކެ ލޯތްބެއް ވެސް ނުވޭ، އަހަރެން ބޭނުންވަނީ ޖޭޒްއަކީ ހަމައެކަނި އަހަރެންގެ މީހަކަށްވާން، އެހެން އެކަންވާނީ ޖޭޒް އަހަރެންގެ ވައިފްއަކަށް ހެދުނު ދުވަހަކުން… އިރުއިރުކޮޅާ ޖޭޒް އަހަންނަށް ގުޅާފައި އުޅޭ ނޫޅޭތަން އޮޅުން ފިލުވާއިރު އަހަރެން އެގޮތަށް ކަންތަކެއް ނުކުރަމެއްނު، ޖޭޒްއަށް އަހަރެން އިތުބާރުކުރަން، އެކަމަކު ކައިލަންއަށް އިތުބާރެއް ނުކުރެވޭނެ… އަހަރެންމީ ފިރިހެނެއް، އަހަންނަށް ފެނޭ ކައިލަންގެ ހަރަކާތްތައް ހުންނަގޮތް، އޭނާ ފާޅުގައި ނުބުނިކަމުގައި ވިޔަސް އޭނާގެ ހިތުގައި ޖޭޒްއަށް ފޮރުވަނީ ކީކޭކަން ވެސް އެނގޭ، އަދި އޭނާއަކީ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިކަން ވެސް އެނގޭ، އޭނާ ޖޭޒް ހިތްހަމަޖައްސައި ދިނުމަށް ކޮށްދޭ ކަންތައްތައް އަހަންނަށް ފެނޭ، ދޭ އަގުބޮޑު ހަދިޔާތައް ޖޭޒް އުފަލުން ހިފާތަން ވެސް ފެނޭ…. އަހަރެން ލޯބިވެރިޔާ ހިތްހަމަޖައްސައިދޭން އެހެން މީހަކު މަސައްކަތްކުރާތަން ބަލާކަށް ނުހުރެވޭނެ”

ނިތުގައި އެއްއަތުން ހިފަހައްޓާލަމުން ޖަޒްލާގެ ކޮޓަރީގައި ހުރި ސޯފާގައި އީތަން އިށީނެވެ. އޭރު އެކޮޓަރީގެ އެތަން މިތަނުގައި ވާސްތަކަށް ޖަހާފައި ހުރި ތާޒާ މައުތަކުން މަޑުމަޑު މީރުވަހެއް ދުވަމުން ދިޔައެވެ. އެ މައުތަކަށް އީތަން ނަޒަރު ހިންގާލި ނަމަވެސް އޭނާ އިތުރަށް ސުވާލެއް ނުކުރިއެވެ. އެއީ ވެސް ކައިލަންގެ ކަމެއްކަން ޔަޤީންކޮށް އެނގޭތީއެވެ.

“ކައިލަންއަށް އަހަރުމެން ދެމީހުންގެ ދޭތެރެއަކަށް ނުވަދެވޭނެ، އީތަން އަހަންނަށް ޓްރަސްޓުކޮށްބަލަ، މިއަދު ވެސް އަހަރުމެން ދެމީހުން ދިމާވާންޖެހުނީ ކައިލަންގެ ކޮމްޕެނީގެ ސީއޯއޯކަން އޭނާއަށް ދިނުމުން، އެކަން ސެލެބްރޭޓުކުރަން ދިޔައީ، އަނެއްކޮޅުން އަހަރެން ފަށަން އުޅޭ ބިޒްނަސްއާ ވާހަކަދައްކާލަން ވެގެން”

“ކައިލަން ޕާޓްނަރއަކަށް ނުހެދިއްޔާ ޖޭޒްއަށް ބިޒްނަސް ނުފެށޭނީތަ؟”

“އޭނާގެ އެކްސްޕީރިއަންސް ހުންނާނެތީވެ އެގޮތަށް ނިންމީ، ދެން ޕްލީޒް… އިތުރަށް ކައިލަންގެ ވާހަކަދައްކާކަށް ބޭނުމެއްނޫން، އަހަރުމެން ދެމީހުން ދިމާވެއްޖެނަމަ އަބަދު އިވެނީ ކައިލަންގެ ނަން، އަހަރުމެން ދެމީހުން ހިތްހަމަޖެހޭ ވާހަކައެއް ދެއްކޭވަރެއްނުވޭ”

އީތަން އަނގައިން ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސޯފާއަށް ހަށިގަނޑު ދޫކޮށްލުމާއެކު ކަނދުރާ އެލުވާލުމާއެކު މަތީ ފަންގިފިލާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ބަލަން ޖަޒްލާ ހުރެފައި ޖަޒްލާ އައިސް އީތަންގެ ދާދި ގާތުން އިށީނދެއްޖެއެވެ. އަދި އޭނާގެ ކޮނޑާދިމާލުން މޭގައި ޖަޒްލާގެ ބޯ ބާއްވާލިއެވެ. އެހިނދު އީތަން ވެސް އެއްއަތުން ޖަޒްލާގެ ކޮނޑު ވަށާލާފައި އޭނާ ގަޔާ ކައިރިކޮށްލިއެވެ.

“އައި ލަވް ޔޫ އީތަން… ޤަބޫލުކުރޭ… އަދި މެރީ ވެސް ކުރާނަން، އަހަރެން ބޭނުންވަނީ އީތަންގެ ވައިފްއަކަށް ވާއިރު އަހަންނަކީ އީތަންގެ މަންމަމެން ބަލައިގަންނާނޭ ފަދަ މީހަކަށްވާން، އަހަރެންގެ މި ބިޒްނަސް ސެޓްލްވުމާއެކު ދެމީހުން އަވަހަށް މެރީ ކުރާނީ، އެގޮތް ކިހިނެއްވާނީ”

“ޖޭޒްއަށް އަހަންނަށް ނުގެއްލޭނެތަ؟”

“ނުގެއްލޭނެ، ދުވަހަކު ވެސް ނުގެއްލޭނެ… އެކަމަކު އީތަން އަހަންނަށް ގެއްލިއްޖެއްޔާޔޯ”

“ކިހާ ދުވަހެއް މިވީ، އަހަރެން ޖޭޒްއަށް ބޭވަފާތެރިވާ ކަހަލަ ކަމެއްނުކުރަމެއްނު، ލޯބިނުވާނަމަ މިހުރިހާ ވާހަކައެއް ޖޭޒްއާ ދައްކަންވީ ކީއްކުރަން”

“ކައިލަންގެ ހިތް ކޮންމެ ގޮތަކަށް އޮތްނަމަވެސް އެކަމާ އަހަރެންގެ އެއްވެސް ފަރުވާލެއްނެތް، އޭނާއަށް ވެސް އެނގޭނެ އަހަރެން ލޯބިވަނީ ހަމައެކަނި އީތަންދެކެކަން، އަދި އަހަރެންގެ ދިރިއުޅުމަށް އީތަން ނޫން މީހަކު ގެންނާކަށް ބޭނުމެއްނުވާކަން، އެހެންވީމަ ކައިލަންއާ ހެދި ކަންބޮޑުވުމަކީ ބޭކާރުކަމެއް”

ޖަޒްލާގެ ވާހަކަތައް ނިމުނުތަކާ އީތަން ޖަޒްލާގެ ގައިގާ ދެއަތްވަށާލިއެވެ. އަދި ކަނދަރާ ހިއްލާލާފައި ޖަޒްލާގެ ނިތުގައި ބޮސްދިނެވެ. ދެމެދުގައި އޮތް ރުޅިވެރިކަން ފިނިވެގެން ދިޔައެވެ. އީތަންގެ މޫނުގައި ޖަޒްލާ މަޑުމަޑުން ފިރުމާލިއެވެ. އެހިނދު ވަރުދޫކޮށްލައިގެން ސޯފާއަށް ވެއްޓިފައި އޮތް އީތަން ތެދުވެ ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ދެ ލޯބިވެރިންގެ ނަޒަރު ސީދާވެފައި ހުއްޓެވެ. ޖަޒްލާގެ ދަތްދޮޅީގައި ހިފާލަމުން އެ މޫނު ގެނެސް އީތަންގެ މޫނާ ގާތްކޮށްލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ މަސްހުނިވެފައިވާ ދެ ޖިސްމު ސޯފާމަތީގައި އެކަތިގަނޑެއްހެން ވެފައި ވަނިކޮށް، އީތަންގެ އަތުގެތެރެއިން ސަލާމަތްވެގެން ޖަޒްލާ ދުރަށް ޖެހިލިއެވެ.

“ނޯ އީތަން… ކުރިން ވެސް ބުނީމެއްނު މެރީ ކުރަންދެން މަޑުކުރާނީއޭ…” ކޮޅަށް ތެދުވެ ހުރި ޖަޒްލާ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ. އޭރު އީތަން ތެދުވެ ސޯފާގައި އިށީންނަނީއެވެ. އީތަން ދެއަތުން މޫނުގައި އަތްހާކާލުމާއެކު އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލިއެވެ.

“ސޮރީ…”

“އިޓްސް އޯކޭ، އީތަން ބެލްކަންޏަށް ނުކުމެލަންވީނު، އަހަރެން ތައްޔާރުވެލައިގެން މި ނުކުންނަނީ، އޭރުން ދެން ދުއްވާލަން ދާނީ” ޖަޒްލާ މިހެން ބުނުމުން އީތަން ބޯޖަހާލިއެވެ. އަދި ލައިގެން ހުރި ޓީޝާޓާއި ޖިންސު ރަނގަޅުކުރަމުން ކޮޓަރިން ނުކުތެވެ.

* * * *

މުޅިން އާ ދުވަހަކަށް ދުނިޔެ ކުރިމަތިލިއިރު ޝައުން ހުރީ ތަހުސީނު ހޯދަން އޭނާގެ އެޕާޓްމެންޓަށް އައިހެވެ. ގޭގެ ވިޔަފާރިއާ ގުޅުމުގެ ޚިޔާލެއް ނުގެންގުޅޭ ޝައުން ހުރީ ތަހުސީނުގެ އޮފީހުގައި އޭނާގެ ގާތުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދިފައެވެ. ޝައުންގެ މި ގޮތްދޫނުކުރުން ތަހުސީނު ޤަބޫލުކުރިއެވެ. އޮފީހުގައި ކުރަން ހުންނަ މަސައްކަތްތައް ދައްކާލުމަށް ޝައުން ގޮވައިގެން ތަހުސީނު އައެވެ. އޭނާގެ ވިޔަފާރީގެ ބޮޑުބައެއް މީހުންނަށް ފެންނަނީ ފިހާރަތަކުގެ ގޮތުގައެވެ. މާލޭގެ ދެ އަވަށެއްގައި ހުރި ތަހުސީނުގެ ދެ ފިހާރަ ވެސް ޝައުންއަށް ދައްކާލިއެވެ. ކުޑަކުޑަ އޮފީހެއްގައި އަށްވަރަކަށް މުވައްޒަފުން ލައިގެން ތަހުސީނު ކުރަމުން ގެންދާ ވިޔަފާރި ޝައުންއަށް ފެނުމުން ފުރަތަމަ ޤަބޫލެއް ވެސް ނުކުރެވުނެވެ. ޢާއިލާގެ ނަމުގައި ބޮޑު ކުންފުންޏެއް އޮތްއިރު އެއްއިމާރާތުގެ އެއްބުރި އެކުގައި އެތައް މުވައްޒަފުންނެއް ލައިގެން އޮފީސް ހިނގަމުން ދާއިރު ތަހުސީނުގެ ވިޔަފާރި ހިންގަނީ ދެކޮޓަރީގެ އެޕާޓްމެންޓެއް ކަހަލަ ތަންކޮޅެއްގައެވެ. އެހެންނަމަވެސް ރާއްޖޭގައި މަޝްހޫރު ބްރޭންޑަކަށް ތަހުސީނުގެ ސްޓޯންހާޓް ނަންވަނީ ވެފައެވެ. އަންހެން ކަބަލުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ރީތި ތަފާތު ގަހަނާތައް ވިއްކާ މިވަގުތު ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ބަޔަކީ ތަހުސީނުގެ ފިހާރަތަކެވެ.

ޠާރީޤުއަށް އޭނާގެ ދަރިފުޅުގެ ޝައުގުވެރިކަން ހުރި ދިމާއެއް އެނގުމުން އެކަމާ ހިތްހަމަނުޖެހުމުގެ ބަދަލުގައި އޭނާ ތަހުސީނަށް ހިތްވަރު ދިނީ ޝައުންއަށް ހަރުދަނާ އުޅުމެއް އުޅެން ބާރު ދިނުމަށެވެ. މަސައްކަތަކަށް ޝައުގުވެރިވުމަކީ ޝައުންގެ ވަގުތުތައް އަގުހުރިގޮތުގައި ބޭނުންކުރެވިގެންދާނޭ ގޮތެއްކަން ޠާރީޤަށް ވިސްނުނެވެ. އެހެންވެ ހުރި ހަމައެކަނި ދަރިފުޅު ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ބާރު ނޭޅީއެވެ.

ހަވީރުގެ ވަގުތެވެ. ތަހުސީނާއެކު އޭނާގެ ރަޙުމަތްތެރިޔާ ރިޔާޒުގެ ސަފާރީ ބަލާލުމަށް އީތަން އާއި ޝައުން ބައިވެރިވިއެވެ. އެކަމުގައި އުޅެފައި މާލެ އާދެވުނީ ރޭގަނޑުގެ ކެއުމަށް ސަފާރީގައި އިންސާފު ކުރުމަށްފަހުއެވެ. އެ ކުރު ދަތުރުވީ އީތަން އާއި ޝައުން ވަރަށް ބޮޑަށް ޝައުގުވެރިވި ދަތުރަކަށެވެ.

“ދެން ދޮންބެ ދަނީ…” ޝައުންގެ އެޕާޓްމެންޓަށް ވަނުމަށް އީތަން އާއި ޝައުން ލިފްޓުން ނުކުތުމުން ތަހުސީނު ބުނެލިއެވެ. އެއާއެކު ޝައުން ބޯޖަހާލިއެވެ.

* * * *

އީތަން އާއި ޖަޒްލާގެ މެދުގައި މައްސަލައެއް ނުޖެހި ގިނަ ދުވަސްތަކެއް ވޭތުވެ ދިއުމަށްފަހު އީތަންއަށް އަނެއްކާ ވެސް ޝޮކެއް ލިބިގެން ދިޔައީ އެއްރެއަކު ޖަޒްލާ ހޯދުމަށް އެގެއަށް ދިއުމުންނެވެ. ގޭގައި ގެންގުޅޭ ކުއްޖަކު ޖަޒްލާވީ ކޮޓަރީގައޭ ބުނުމުން އީތަން އައިސް ވަނީ ޖަޒްލާގެ ކޮޓަރިއަށެވެ. ނަމަވެސް ދޮރުމަތީ ހުއްޓުން އަރާފައި އީތަންއަށް ހުރެވުނީ ފެނުނު މަންޒަރުންނެވެ. ފުރަގަސް ދީގެން ހުރި ޖަޒްލާގެ ބުރަގަށީގެ އެއްބައި އޮތީ ހާމައަށެވެ. އެތެރޭން ލާފައި ހުރި އަންނައުނު އޮތީ ފެންނާށެވެ. އިސްތަށިގަނޑު އެއްފަރާތްކޮށްލައިގެން ހުރި އިރު އޭނާ އެ ހުރީ ކައިލަންއަށް ފުރުޞަތުދީގެންކަން އެނގެއެވެ. ކައިލަން ހުރީ ޖަޒްލާގެ ހެދުމުގެ ޒިބުގައި ހިފަހައްޓާލައިގެން އަޅުވަންކަމެއް ނައްޓަނީކަމެއް ނޭނގެއެވެ. އެވަރު ބަލާކަށް ވެސް އީތަން ބޭނުމެއްނުވިއެވެ. ދޮރުހުޅުވި އަޑާއެކު ޖަޒްލާއަށް ވެސް ސިހިފައި ބަލާލެވުނީ ދޮރާ ދިމާއަށެވެ. އީތަން ފެނުމުން ތެޅިގެންފައި ކައިލަންގެ ދެއަތް ފޮޅުވާލާފާއި ދުރަށް ޖެހިލިއެވެ. ނަމަވެސް ދޮރުގައި ހިފަހައްޓައިގެން ހުރި އީތަން ދޮރުފަތް ފޮޅުވާލާފައި އެގެއިން ވަގުތުން ނިކުތެވެ.

“ހެލޯ… ކޮންތާކު؟” މަގުމަތީ ހިނގަމުން ދިޔަ އީތަން ފޯނު ނަގާ ޝައުންއަށް ގުޅިއެވެ.

“ބުނަންވީތަ ހުރިތަން، ބުނިއްޔާ ކެރޭނެތަ އަންނަން” ޝައުންގެ ހުރީ ސަމާސާ ގޮތެކެވެ. އެހެންނަމަވެސް އީތަން ހުރީ މިވަގުތު ސަމާސާކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

“އާން! ކެރޭނެ… ބުނޭ… އަހަރެން މިހިރީ ވަރަށް ބޯސަކަރާތްވެފައި، މިވަގުތު ކޮންމެކަމެއް ވެސް ކޮށްފާނަން، ކޮންމެތާކަށް ވެސް ހިނގައިދާނަން”

ކެފޭއެއްގެ މޭޒުދޮށުގައި ދެ ފިރިހެނުންނާއެކު ޝައުން އިންތަން އީތަންއަށް ފެނުނެވެ. އޭނާ އެއައީ ޝައުން ބުނިތަނަށެވެ. އެތެރެއަށް ވަދެގެން ދިއުމުގެ ކުރިން ޝައުންއަށް އީތަން ފެނިގެން ނިކަން ބާރަށް ގޮވާލަމުން ހަނާ އަޅާލިއެވެ. އީތަން އައިސް އެމީހުންގެ ކައިރީ މޭޒުދޮށުގައި އިށީނެވެ.

“މީ މަގޭ ބެސްޓު ބަޑީ، އޭނާ އިނަކަސް ހާސްވާނެކަމެއްނެތް، ކަލޭމެން ތި ދައްކާ ވާހަކަ ކުރިއަށް ގެންދޭ” ޝައުން ބުނެލިއެވެ.

ޝައުން މައްސަލައެއްނެތްކަމަށް ބުންޏަސް އޭނާއާއެކު މޭޒު ދޮށުގައި ދެން ތިބި ދެމީހުން ވަރަށް ފަރުވާތެރިކަމާއެކު އީތަންއަށް ބަލަން އިރުކޮޅު ތިބެފައި ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ބުނަން ޝޯން، މިއުޅޭ އެހެން އެސްކޯޓުންހެނެއް އޭނާ ނުވާނެ، ވަރަށް އަގު ބޮޑުވާނެ، އަހަންނަށް އެނގިފައި އޮތް ގޮތުގައި މިހާރު އޭނާ ވަރަށް ކަސްޓަމަރުން ނުނަގާ، ކީއްވެކަމެއް ނޭނގެ، އެކަމަކު ބޮޑުއަގެއް ދޭން ކެރިއްޖެއްޔާ ހީވޭ ތިކަން ވެދާނެހެން، އަނެއްކާ އަހަންނަށް އެ ނަންބަރު ދިން ގޮލާ ބުނީ އޭނާ ހަމަޖައްސައިދީފާނަމޭ”

“ފޮޓޮއެއްނެއްތަ؟ ތިހާ ޝަރުތުގިނަވެގެން އުޅެނީ، ހަމަ އެހާ ރީތީތަ؟” ޝައުން ބުނެލިއެވެ. އެއާއެކު މޭޒު ދޮށުގައި ތިބި އޭނާގެ ދެ ރަޙުމަތްތެރިން ކަމަށްވާ ޙަސަނާއި ޖިނާހުއާ ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ.

“ވަރަށް ސަޅި، މަވެސް ދުށިން، އެކަމް މި ބުނާހެން އެއީ ޔަންގު ކުއްޖެއްނޫން، މަށަށް ވަރަށް ކަމުދޭ، މަށަށް މައްސަލައަކީ އެފޯޑު ނުކުރެވޭނެތީ… އެހެންނޫނީ ޖައްސަން ހަމަ ވަރަށް ފައްކާ” ޖިނާހު ބުނެލިއެވެ.

“މާދަމާ ޝޯންގެ ފޯނަށް އޭނާގެ ފޮޓޮއެއް ފޮނުވާލެވޭތޯ ބަލާނަން، މިވަގުތު މަގޭ އަތަކު ނެތް، މަވެސް ޖެހޭނީ އެގޮލާ އަތުން ހޯދަން” މޭޒުމަތީ އޮތް ފޯނަށް ބަލާލާފައި ތުނބުގައި އޮތް ސިނގިރޭޓު ނަގާ ދުންތައް ބޭރުކޮށްލަމުން ޙަސަނު ބުނެލިއެވެ.

އެ ހުރިހާ ވާހަކައެއް ދެކެވެމުން ދިޔައިރު އެ ވާހަކަތައް އީތަންއަށް ވެސް އަޑުއިވެމުން ދިޔައެވެ. އެހެންނަމަވެސް އޭނާއާ ބެހޭ ވާހަކައަކަށް ނުވާތީ ހިމޭނުން އިނުމަށް ގަސްދުކުރީއެވެ. ޙަސަނާއި ޖިނާހު އެމީހުން ވާހަކަ ނިންމާލާފައި މޭޒު ދޮށުން ތެދުވެގެން ދިއުމުން ޝައުން ކެފޭގެ ވެއިޓަރަކަށް އަތުން އިޝާރާތްކޮށްލިއެވެ. އެހިނދު ވެއިޓަރު މީހާ ބިލު ހިފައިގެން އައިސް ޝައުންއަށް ދިއްކޮށްލިއެވެ. އެއަށް ފައިސާ ލުމަށްފަހު ވެއިޓަރާ ސަމާސާކޮށްލާފައި ޝައުން އިން ތަނުން ތެދުވަމުން އީތަންގެ ކޮނޑުގައި ކޮށްޓާލިއެވެ. އަދި ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އެތަނުން ނުކުތުމަށެވެ.

“ކިހިނެއްވެފައި ތިހުރީ… ހަމަ ބަހެއް ވެސް ނުބުނެ އެބަހުރި” މަގުމައްޗަށް ނުކުމެވުމާއެކު ގާތުގައި ހުރި އީތަންގެ މޫނަށް ބަލާލާފައި ޝައުން ބުނެލިއެވެ.

“ބޮޑު ބަލާއަކަށްވެއްޖެ އެ ކައިލަންއަކާ ހެދި”

“ކީކޭ… އީތަންތަ ތިހެން ތިބުނީ…”

“އާނ! މަވިއްޔާ ބުނެގެން ނުވަނީތަ؟”

“ހަމަޖެހިބަލަ، ވީގޮތް ކިޔައިދީބަލަ….” އީތަން މިހެން ބުނުމުން ފުންނޭވާއެއް ލާފައި އީތަން އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ.

“އޭނަ އެ މަސައްކަތްކުރަނީ ތި ދެމީހުންގެ ދެމެދަށް ވަންނަން، އެކަމަކު ތިކަމުގައި މަށަށް ގޯހީ ޖޭޒް، އޭނާ ކައިލަންއަށް އެ ފުރުޞަތު ނުދިންނަމަ ތިހެން ތި މަންޒަރެއް އީތަންއަށް ފެންނާކަށް ނުޖެހުނީސް، ކިހިނެއް އެނގެނީ ޖޭޒްގެ ހަށިގަނޑުގައި މިހާރު އެ ކައިލަންއަކަށް ނުފެންނަ ތަންކޮޅެއް އޮތްކަމެއް ވެސް….”

“ދެޓްސް ނޮޓް ޕޮސިބަލް، ޖޭޒްއަކީ އޯޕަން މައިންޑެޑް ކުއްޖަކަސް އެ ފަދަ ގުޅުމެއް އޭނާ ނުހިންގާނެ، އެކަމަކު މިފަހަރު ޝޯން ތިބުނީ މުޅިއަކުން ގޯސް ވާހަކައެއް ވެސް ނޫން، އަހަރެން ޖޭޒްއަށް ވަރަށް ގިނަ ފަހަރުމަތިން ކައިލަންގެ ބޭނުމަކީ ކޮބައިކަން ވިސްނައިދީފިން، އެކަމަކު އޭނާ ޤަބޫލުކުރާކަށް ބޭނުމެއްނޫން، އަހަންނަކަށް މިހެނެއް ނޫޅެވޭނެ…. އެ ކައިލަން ޖޭޒްގެ ގައިގާ އިނގިލި ކުރި ޖައްސާލާކަށް ވެސް އަހަރެން ބޭނުމެއްނޫން”

“ޖޭޒް ކީކޭ ބުނީ”

“އޭނާ އެއްޗެއް ބުނަންދެން އަހަރެން މަޑެއްނުކުރަން، އެގެއިން ނުކުތް ގޮތަށް ޝޯންއަށް ގުޅީ، އަހަރެން ބޭނުމެއްނޫން ޖޭޒްގެ ވާހަކަ އަޑުއަހާކަށް ވެސް”

“ބުނަން…. އެންމެ ރަނގަޅުވާނީ ބްރޭކެއް ނެގިއްޔާ، އޭރުން ތި ރިލޭޝަންޝިޕާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާލެވިދާނެ، ޖޭޒް ގުޅައިފިއްޔާ ބުނޭ ދުވަސްކޮޅަކަށް ބްރޭކެއް ބޭނުމޭ…”

ޝައުން ދިން ޚިޔާލާއެކު އީތަން އެއްވެސް ޖަވާބެއް ނުދިނެވެ. ޖިންސުގެ ކުރިމަތީ ދެ ޖީބަށް ދެ އަތް ޖަހާލައިގެން ހުރެ ޝައުންއާ އެއްވަރަށް ހިނގަމުން އޭނާ އައެވެ. މީހާ ހަމަޖެހުނުހެނެއް އޭނާގެ މޫނުމަތިން ހިޔެއްނުވެއެވެ. ރުޅި ކޮންޓްރޯލުން ނެއްޓުމުގެ ކުރިން އޭނާގެ ބާރުގެ ދަށުގައި އެސޮރު ކިޔަމަންކުރަން އުޅޭ ކަހަލައެވެ.

“މައްސަލައެއްނެތް އީތަން އަނގައިން ނުބުންޏަސް، އަހަރެން މިއުޅެނީ މަޖާކޮށްލުމުގެ ގޮތުން ކަމެއް ކޮށްލާން ވެގެން، މިކަމުގައި އީތަން ވެސް ވާނެ ބައިވެރިވާން، އޭރުން ތި ޓެންޝަން ފިލައިފާނެ”

“މިރޭ ޝޯންގެ ރައްޓެހިންނާ މަޝްވަރާކުރެވުނު ކަންތައްތަ؟…. ތި އުޅެނީ އަންހެނެއް ކައިރިއަށް ވަންނަން ދާން ދޯ”

“ޔެސް، ޔޫ އަރ އެބްސޮލިއުޓްލީ ރައިޓް…. އެއީ މަޖާ ކަމެކޭ… އަހަރުމެން ބިޓެއް ނުނަގާތީ ތިޔަހެން ބޮލުގައި ރިހޭނޭކަމެއް ދިމައެއްނުވޭ، އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭ… އަނެއްކާ ބިޓަކަށްވުރެ މާ ސަޅިވާނެ އެހެން އަންނަ އަންހެން ކުދިން، މަޖާކޮށްލާފައި އެ ރެއިން އެ ރެއަށް އެކަމުން ސަލާމަތްވެވޭނެ، ފަހުން ފަހަތަކުން ނުދިވާނެ”

“ޝޯން، އަންސޭފް ސެކްސްގެ ވާހަކަ ތި ދައްކަނީ، ކަމެއްވެއްޖެއްޔާ ވާނޭގޮތް އެނގޭތަ؟ މިހާރު މާލޭގައި ފުލުހުން އެކަހަލަ ކަންކަން ކުރާ ތަންތަން ފާސްކުރަމުން ދާކަން ނޭނގޭތަ، އަހަރެން ބޭނުމެއްނޫން އެކަހަލަ ތަނެއްގައި އޮއްވައި ފުލުހުން ވަދެ ލަފުގައި ހިފާ ދަމަމުން ނެރޭކަށް…. ތީ އެއްގޮތަކަށް ވެސް ކަމުދާ ޚިޔާލެއްނޫން”

“އަހަރެން މީ ކޮންމެކޮންމެ މީހެއް ކައިރިއަށް ދާ މީހެއް ނޫނޭ، ސޭފް ތޯ ބަލާފައޭ މިދަނީ… ހަންރެޑް ޕަސަންޓު ޔަޤީންކަން އެބައޮތް ބަސްޓު ނުވާނެކަން، ވަރަށް ސިއްރު ލިންކެއް މީ… އީތަން އަހަންނަށް އިތުބާރެއް ނުކުރާނަންތަ؟ ޔޫ އަރ މައި ބްރަދަރ… އަހަރެން ބަންދުގައި ހުންނަން ވިޔަސް ކަލޭ ކަމެއްގައި ބެދުނަކަ ނުދޭނަން… ޔަޤީންކުރޭ… ވަރަށް ބޮޑު އިތުބާރެއް އޮތީމަ މިއުޅެނީ އެ އަންހެނާ ކައިރިއަށް ދާންވެގެން، ސީރިއަސްލީ އީތަން، ކަލެއަށް ބޭނުންވަނީ އަންހެނެއްގެ ފަރާތުން އެޓެންޝަން، އަހަންނަކަށް ހިޔެއްނުވޭ ޖޭޒް ކަލެއަށް އެ ކަހަލަ އެޓެންޝަނެއް ދޭހެނެއް”

“ތީ އަހަރެން ދައްކަން ބޭނުންވާހަކައެއްނޫން”

“އޯކޭ… އެކަމަކު ބުނަން، އާފްޓަރ ދެޓް އެކްސްޕީރިއަންސް ޔޫ ވިލް ބީ ޓޯޓަލީ އަ ޑިފަރެންޓް ޕާރސަން، މުޅިން އައު ދުނިޔެއަކަށް އުފަންވުމެކޭ އެއްވަރުވާނެ…”

“އަހަރެން ބޭނުމެއްނޫން…”

ޝައުންގެ ޚިޔާލުތަކަށް އީތަން ދެކޮޅު ހަދަމުން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ގޮތް ޝައުންއަށް އެނގޭ ކަހަލައެވެ. އޭނާ އީތަންއާ އެކި ގޮތްގޮތުން ވާހަކަދެއްކިއެވެ. ދެ ޒުވާނުން ވާހަކައިގައި ތިބެ އައިސް ވަނީ ޝައުންމެންގެ ގެއަށެވެ. އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު ޝައުން ވެސް އެންމެ ފަހުން އޭނާ ދައްކަމުން އައި ވާހަކަ ހުއްޓާލިއެވެ. އަދި އައު ފިލުމުތަކަކާ އިނގިރޭސި ސީރީޒްތަކެއް ލިބުނު ވާހަކަ އީތަން ގާތު ބުނަމުން އޭނާގެ ޓީވީ ހުޅުވާލިއެވެ. އެ ވާހަކައާ އީތަން ގަޔާވިކަން ޝައުންއަށް އެނގުނެވެ.

ކުރިޔަށް އޮތް ދެތިން ދުވަސް ހޭދަވެގެން ދިޔައިރު ޝައުން ރާވަމުން އައިކަންތައް ކާމިޔާބުވާގޮތްވިއެވެ. އޭނާ އީތަންގެ ބޮލަށް އެރި އެންމެފަހުން އޭނާ ވެސް އެއްބަސްކުރުވީއެވެ. ހުކުރުވިލޭރޭ ބާރަޖަހަން ކައިރިވެފައި ހުއްޓާ ޝައުންގެ ގާތަށް އީތަން އަތުވެއްޖެއެވެ. ދެފަހަރު މަތީން ހަތަރުފުރޮޅުލީ ދުއްވާ އެއްޗެހީގެ އިމްތިހާނުގައި ބައިވެރިވެ ލިބުނު ލައިސެންސު ހިފައިގެން ފުރަތަމަ ފަހަރަށް ޝައުން އޭނާގެ ކާރަށް އެރީ އެރެއެވެ. އީތަން ގޮވައިގެން ޝައުން ކާރުގައި މިސްރާބުޖެހީ ހެންވޭރަށެވެ. އެ ގަޑީގައި ކާރު ޕާކުކުރާނީ ތަންކޮޅެއް ނުލިބިގެން ޝައުން ރުޅި ގަދަވާގޮތްވިއެވެ. ދާން ބޭނުންވި މަންޒިލަށްވުރެ މާ ދުރުގައި ކާރު ބާއްވާފައި ދެ ޒުވާނުން އެކުގައި ހިނގައިގަތެވެ. އޭރު ޝައުންގެ އަތުގައި ތިން ޕީޒާ ފޮށިގަނޑާއި އީތަންގެ އަތުގައި ކޯކުފުޅިތަކެއް އަޅާފައި އޮތް ކޮތަޅެއް އޮތެވެ. ޝައުން އައިސް މަޑުކޮށްލީ ހެންވޭރު ބުލޫމޫންގޭގެ ދެ ދޮރޯށީންކުރެ އެންމެ ފަހުގެ ސެކިއުރިޓީ ނިޒާމު ހަރުކޮށްފައިވާ ދޮރޯށި ކުރިމަތީއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އެއަތް ލައިގެން ހުރި ޖިންސުގައި ހާކާލިއެވެ. އަދި ގާތުގައި ހުރި އީތަންއަށް ބަލާލަމުން ލޮލުން އިޝާރާތެއްކޮށްލިއެވެ.

“އަދިވެސް ވަގުތު އެބައޮތް… ނުވަދެ އެނބުރި ދެވިދާނެ… ތިގެއަށް ގޮސް ސަޅި ފިލްމެއް ބަލާލާ މިހިރަ ޕީޒާތައް ކާލީމަ ނިމުނީނު” އީތަން ބުނެލިއެވެ.

“ނޫން، މި ހިސާބަށް އައިސްފައި ދެން އެނބުރިއެއް ނުދާނަން، އެހެންނޫނަސް މީ އީތަންއަށް އަހަރެން ކޮށްދޭ ކަމެއް، މިރޭ މީ އީތަންގެ ލައިފް ބަދަލުވާނެ ރެއެއްކަން ޔަޤީން، މިކަމުގައި ހުރި މަޖަލަކާ ކުޅިވަރެއް ވެސް މިރޭ ފެންނާނެ، ޔޫ ވިލް ގޯ އިންސޭން… ބިލީވް މީ…”

“އަހަރުމެން ދެމީހުން އެއްކޮށްތަ؟ ޝޯން ތީ މަގޭ ބެސްޓު ބަޑީއަށް ވިޔަސް މަށަކަށް ނުކެރޭނެ ޝޯންއާއެކު ބެޑްޝެއަރކުރާކަށް، ހަމަ ސީރިއަސްކޮށް މިބުނީ… އަހަރެން ބޭނުމެއްނޫން ޝޯން އެގޮތަށް ފެންނާކަށް އަދި އަހަރެން އެހެން އުޅެނިކޮށް ޝޯންއަށް ފެންނާކަށް ވެސް”

“ކަމޯން މޭން، ފުރަތަމަ ވަންނާނީ އީތަން، އެއަށްފަހު އަހަރެން… އޭރުން އެ ނިމުނީނު، ކުރިން އަހަރެން ރާވާފައި އޮންނާނީ އެހެން”

“މަށަކަށް ނޭނގެ…”

އީތަން ދެފަރާތަށް ބޯހޫރުވާލަމުން އޭނާގެ ނިތްކުރިމައްޗަށް ވެރިފައި ހުރި ފަންއިސްތަށިތައް ރަނގަޅުކޮށްލިއެވެ. އޭނާ އެ ހުރީ ވަރަށް ހާސްވެފައިކަން ޝައުންއަށް އެނގެއެވެ. އެހެންނަމަވެސް އީތަން ހަމައަކަށް އެޅުވުމަށް މިވަގުތު ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އަލަށް ކަމެއްކުރަން އުޅޭއިރު ވާނޭގޮތެއް ނޭނގޭތީ ހާސްނުވެއެއް ނުދާނޭކަން ޝައުންއަށް އެނގެއެވެ. އޭނާ މިރޭ އީތަންލައްވާ އެއުޅެނީ މީގެ ކުރިން އީތަން ދުވަހަކު ވެސް ނުކުރާ ކަމެއް ކުރުވާށެވެ. ހަމައެއާއެކު ޝައުން ވެސް ހުރީ ކޮންމެ ވެސް ވަރަކަށް ހާސްވެފައެވެ. ދިމާވާން މިއުޅެނީ ދުވަހަކު ވެސް މީގެ ކުރިން ދިމާވެފައި ނުވާ މީހަކާއެވެ. އޭނާ ކަންތައްކުރާނޭ ގޮތަކާއި މެދު ޚުދު ޝައުންއަށް ވެސް ވިސްނެއެވެ. އަމިއްލަ ހަރަކާތްތައް ބަހައްޓަންވީ ގޮތް އެނގޭނީ އަނެކާގެ ގޮތް އެނގުނީމައެވެ. ފުންކޮށް ދިގު ނޭވާއެއް ލުމާއެކު ދޮރޯށީގައި ހަރުކޮށްފައި ހުރި ފިތަށް އޮބައިލައިފިއެވެ. ދެވަނަ ފަހަރަށް އޮބައިލުމުގެ ކުރިން ދޮރޯށި ހުޅުވާލައިފިއެވެ.

“ވަދޭ…” ބުރުސޫރަ ނުހަނު ރީތި އަންހެނަކު ބުނެލިއެވެ. ދޮރޯށީގެ ދޮރާ ނިވާވެގެން ހުރުމުން އޭނާގެ މޫނުން ޝައުން އާއި އީތަންއަށް ފެނުނީ ކުޑަތަންފުކެކެވެ.

ކުރިއަށް ޝައުން ހުރެ ގޭތެރެއަށް ވަނެވެ. ފަޔަށް ހިފާފައި ހުރި ސްކިނީ ޖިންސަކާއި ގަޔަށް ދޫ ގަމީހެއް ލާފައި ފަންދިގު އިސްތަށިގަނޑުގެ ކޮޅު ބުޑުގައި ހޭކިލަހޭކިލާ އޮތްގޮތަށް ބަލަމުން އެ އަންހެންމީހާގެ ފަހަތުން ޝައުން އާއި އީތަން އައިސް ސިޓިންގރޫމަށް ވަނެވެ. ފަނޑު ރީދޫ އައްޔަކުން އެތަން އެއްކުލަވެފައި އޮތްއިރު ތަންދޮރު އޮޅުން ނުފިލާހާ އަނދިރިއެއްނޫނެވެ.

“ރޭޝްމާ ދޯ…” ސޯފާގައި އިށީނުމަށް އެ އަންހެންމީހާ އިޝާރާތްކޮށްލުމުން ޝައުން އަހާލިއެވެ. އަދި ސޯފާގެ ކުރިމަތީ ހުރި ކުޑަމޭޒުގެ މަތީ އޭނާ ގެނައި ޕީޒާ ފޮށިތައް ބެހެއްޓިއެވެ. އެތަން ފެނި އީތަން ވެސް އޭނާގެ އަތުގައި އޮތް ކޮތަޅު އެ މޭޒުގެ މަތީ ބެހެއްޓިއެވެ.

“އާނ!” ރޭޝްމާ މަޑުމަޑުން ބުނެލިއެވެ. އޭނާ ވެސް ހުރި ގޮތުން ހީވަނީ ހަދަންވީ ކިހިނެއްކަން ނޭނގިފައި ހުރި ހެންނެވެ. ގިނަ ޒަމާންތަކަކަށްފަހު އެހާ ޒުވާން ފިރިހެން ކުދިންތަކެއް އޭނާގެ ގާތަށް އައުމުން އެމީހުންގެ ސީދާ ބޭނުން ނަގައިގަންނަން ނޭނގުނީއެވެ.

“މީ މިރޭ މަޖާކޮށްލާއިރު ކާލަން ގެނައި އެއްޗެއް…” ޝައުން ބުނެލިއެވެ.

“ތީ ނާޒިލުގެ ރައްޓެހިންވީމަ މިރޭ އަންނަން ބުނީ، އެކަމަކު މީ އާންމުކަމެއްނޫން، ކިތަންމެ ބައިވަރު ފައިސާއެއް ދިނަސް އަހަރެން ބޭނުންނޫން ރެއަކު މިގޮތަށް މިގެއަކަށް ނުވަދެވޭނެ” ރޭޝްމާގެ ވާހަކަތައް އަޑުއަހަން އިން ޝައުން ނިކަން އަވަހަށް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އޭނާއަށް އެންމެ ރެއެއް ވެސް ރަނގަޅެވެ. ހައިކްލާސް އެސްކޯޓެއްގެ ނަމުގައި ރޭޝްމާގެ ނަން އޭނާއަށް އިވުނު ވަގުތުން ފެށިގެން ޝައުން ހުރީ ރޭޝްމާގެ ފެންވަރު ބަލާލުމުގެ ޝައުގުވެރިކަމުގައެވެ.

“ކަލޭމެން ބޭނުންގޮތެއް ބުނޭ….” ރޭޝްމާ ބުނެލިއެވެ.

“އިހަށް ވާހަކަދައްކާލަން މިތާ މަޑުކޮށްލަންވީނު، އިރުކޮޅަކުން ކޮޓަރިއަށް ދާނީ، ފުރަތަމަ މީނަ ދާނީ…” ޝައުން ވާހަކަދައްކަމުން އީތަންއަށް އިޝާރާތްކޮށްލިއެވެ. އިސްޖަހާލައިގެން އިން އީތަން ސިހިފައި ޝައުންއަށް ބަލާލިއެވެ.

“ނޫން! ނޫން! ޝޯން ކުރިން ވަދޭ….” ޖެހިލުންވުމަކާއެކު އީތަން ބުނެލިއެވެ.

“މައްސަލައެއްނެތް، އެހެންވީމަ ރޭޝްމާގެ ސާވިސް ފުރަތަމަ އަހަރެން ބޭނުންވަނީ، އެޑްވާންސްކޮށް ޕޭކުރޭތަ؟”

“އަހަރެންގެ ކައިރިއަށް އައިއިރު އެވަރު އޮޅުން ނުފިލުވަންތަ؟” ރޭޝްމާ އަހާލިއެވެ.

“ހާފް ޕޭމަންޓް އެޑްވާންސްކޮށް ދޯ… އަން! މިއޮތީ….” ޝައުން ޖީބުން ނެގި ސިޓީއުރަ ރޭޝްމާއަށް ދިއްކޮށްލިއެވެ. އޭނާ އައިސް އެ އިނީ ވަރަށް ތައްޔާރުވެގެންކަން ރޭޝްމާއަށް އެނގުނެވެ.

ސިޓިން ރޫމު ސޯފާގައި އީތަން އާއި ޝައުން މަޑުކޮށްގެން ތިބިއިރު ރޭޝްމާ އެތެރެއަށް ވަދެފައި އެނބުރި އައީ ބިއްލޫރި ތިން ތަށި ހިފައިގެންނެވެ. ޝައުން ޕީޒާ ފޮށިތައް ހުޅުވާލުމާއެކު މުޅި ސިޓިންރޫމު އެއްވަސް ވެގެން ދިޔައީ ތަންދޫރީ އާއި ބޮލޮގްނައިސް ޕީޒާގެ ވަހުންނެވެ. ބިއްލޫރިތަށިތަކުން ފޮނުއަރާ “ސިޒްލިންގ” އަޑު އިވިގެން ދިޔައީ އޮއްސާލި ކޯކުންނެވެ. އެއާއެކު ތިންމީހުންގެ މެދުގައި ޕާޓީ ފެށުނު ކަހަލައެވެ. ޝައުން އާއި އީތަންގެ މެދުގައި ރޭޝްމާ އައިސް އިށީނދެ އިންއިރު އީތަން ގަޔާވާގޮތެއް ނުވިއެވެ. އޭނާ މަޑުމަޑުން ދުރަށް ޖެހެމުން ގޮސް ރޭޝްމާގެ ގައިގާ ނުޖެހޭނޭ ވަރަށް ދުރަށް ޖެހިލިއެވެ.

“އަޑުއެހިން މިއޮއްބޮޑު ގޭގައި ރޭޝްމާ އުޅެނީ އެކަނިމާއެކަންޏޭ” ޝައުން ވަށައިގެން ނަޒަރު ހިންގާލަމުން ބުނެލިއެވެ.

“އާން، ރަނގަޅަށް ތި އަޑުއިވުނީ”

ރޭޝްމާގެ އަތުގައި ހިފާލައިގެން ޝައުން އިނެވެ. އެކިއެކި ސުވާލުތައް ކުރަމުން ދިޔައެވެ. ބައެއް ސުވާލުތަކަށް ރޭޝްމާ އެއްވެސް ޖަވާބެއް ނުދެއެވެ. އީތަން، ރޭޝްމާއާ ދުރުހެލިވާކަން ޝައުންއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އޭނާ އެކަމަށް އެވަގުތު ބާރު އަޅާކަށް ބޭނުމެއްނުވިއެވެ. އެހެން އިންދާ ރޭޝްމާ ޝައުންގެ އަތުގައި ހިފާ ދަމާލަމުން ކޮޓަރިއަށް ދާކަށް ނުވޭތޯ އަހާލިއެވެ. ހަޤީޤަތުގައި ރޭޝްމާ ބޭނުންވަނީ އޭނާގެ މަސައްކަތް އަވަހަށް ނިންމާލާފައި ޝައުން އާއި އީތަން އެގެއިން ނެރޭށެވެ.

“ހިނގާބަލަ… ތަން ދެއްކީމާތާ ވަދެވޭނީ” ލާނެތް ހިންޏެއް އައިސްފައި ހުރެ ޝައުން ބުނެލިއެވެ.

ރޭޝްމާ އާންމުކޮށް މީހުން ވައްދާ ކޮޓަރިއަށް ޝައުންގެ އަތުގައި ހިފައިގެން ގޮސް ވަނެވެ. ހާސްވެފައި އިން އީތަން އެ ހާސްކަމުގެ ތެރެއިން އެއްފައި ތަޅުވާލަ ތަޅުވާލާ އިނެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލާލައެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާ ދާހިތްލަން ފެށިއެވެ. ޖަޒްލާއަށް ބޭވަފާތެރިވާންވީ ބާއޭ އޭނާގެ ޟަމީރު ސުވާލުކުރަން ފެށި އެވަގުތުއެވެ. ނިތްކުރިން ދާތިކިތައް ފޮހެމުން ސޯފާއިން ތެދުވެގެން ސިޓިންގރޫމު ދޮރުމައްޗަށް އީތަން ނުކުތެވެ. މަޑުމަޑު ފިނިވައިރޯޅިތައް ފަޒާގައި ދައުރުވޭވެ ހުއްޓެވެ. އެހެންނަމަވެސް އޭނާގެ ހިތް ނިކަން ބާރަށް ތެޅެނީއެވެ. ކުރަން އައި ކަންތަކާ މެދު އޭނާގެ ޟަމީރު ހަޅޭލާ ކަހަލައެވެ. އެއްގޮތަކަށް ވެސް ހިތަށް ހަމަޖެހުމެއް ލިބޭ ކަހަލަ ގޮތެއް ނުވިއެވެ. އެނބުރި ރޭޝްމާ އާއި ޝައުން ވަން ކޮޓަރިއަށް ބަލާލާފައި އެގެއިން ނުކުންނަން އީތަން ހިތަށް އެރިއެވެ. ނަމަވެސް ޝައުން ބަހައްޓާފައި އޭނާ ދާން ސިކުނޑި އެއްބަހެއް ނުވެއެވެ. ކުރިމަތިން ފެނުނު ސިޑިއަށް އީތަންގެ ނަޒަރު ހުއްޓުނެވެ. އެ ސިޑީގެ ހަރުފަތްތަކުގައި އިށީންނަން ގަސްދުކޮށް އެ ދިމާއަށް ދިޔައެވެ. އަދި މައްޗަށް ބަލާލިއިރު ހާމައަށް އޮތް ޓެރެސްއަށް އެރޭގޮތަށް އެ ސިޑި ހުރުމުން އީތަންގެ ވިސްނުން ހިނގައިގަތީ ސިޑިން މައްޗަށް އެރުމަށެވެ. ހާމަ ފަޒާއެއްގައި ވިސްނާލަން އަމިއްލަ ނަފުޞަށް ފުރުޞަތު ދޭށެވެ.

 * * * *

ޓެރެސްގެ ފާރުބުރި މައްޗަށް ދެފައި އަރުވާލައިގެން ގޮނޑިއަށް ފެތިފައި އޮތް ޒޫރިންގެ އުނގުގައި އޭނާގެ ގެންގުޅޭ ގުޓާ ހަމަޖައްސާފައި އޮތެވެ. ހަނދުވަރުގެ އަލިކަމެއްނެތްތާ ވަށައިގެން ދިއްލާފައި ހުރި ބޮކިތަކުން މަތީގައި ފެތުރުފައި އޮތް ކަޅުސާލުގައި ވިދާ ޖަވާހިރުތަކެއް ހުރި ނަމަވެސް އޭގެ ދަޅަތައް މުޅިން ކަނޑުވާލާފައި ވެއެވެ. އެހެންނަމަވެސް ރޭގަނޑު މި ދަންގަނޑީގައި ޒޫރިން ހިތްހަމަޖައްސާލަމުން ދިޔައީ އޭނާގެ އިނގިލިތައް ގިޓާގެ ނަރުތަކާ ކުޅެލުމުން ނުކުންނަ ހިތްގައިމު ރާގުންނެވެ. އެހެން އިންދާ އޭނާއަށް ދޭތެރެއަކުން ހިލަމެއްވެލުމަށް އައިސް ބީހިލާ މަޑުމަޑު ވައިރޯޅިތަކުން ވައިރޯޅިއަކާއެކު ގެނެސް ނޭފަތު ކުރީގައި ޖައްސާލީ ޖާދޫއެއް ކަހަލަ މީރު ވަހެކެވެ. ޒޫރިންގެ މޭފުރި އެރިކަހަލައެވެ. ނޭފަތް އެތެރެއަށް ދަމާލުމާއެކު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހީވީ އެ ވަހަކީ އޭނާ އިންތިޒާރު ކުރަމުން ދިޔަ ވަހެއް ހެންނެވެ. ނޭފަތުގައި އައިސް އެ ވަސް ޖެހޭނޭ އިރަކަށް ކެތްމަދުވެފައި އިން ކަހަލައެވެ. އިހުނަށްވުރެ ބޮޑަށް ހިނިތުންވެލި އިރު ހީވީ ޒޫރިންގެ ޟަމީރު ހިނިތުންވެލީ ހެންނެވެ. ފަހަތުން އައިސް ޒޫރިންގެ އެތެރެ ހަށި ފުރާލަދިން ވަހަށް ސަމާލުވެލުމާއެކު ގިޓާ ހަމަޖައްސާލިއެވެ. އަދި ހިނިތުންވެލައިގެން އިނދެ ނަރުތަކާ ކުޅެލިއެވެ. ހިތުގައި އޮތް ރާގު ހާމަކޮށްލުމަށެވެ. އެއާއެކު ކުޅެމުން ދިޔަ ހިތްގައިމު ރާގަށް ލަފުޒުތައް އަތުރާލުމާއެކު އިނގިރޭސި ލަވައެއް ކިޔަންފެށިއެވެ.

“I’ve been alone with you
Inside my mind
And in my dreams I’ve kissed your lips
A thousand times
I sometimes see you
Pass outside my door
Hello!
Is it me you’re looking for?
I can see it in your eyes
I can see it in your smile
You’re all I’ve ever wanted
And my arms are open wide
’cause you know just what to say
And you know just what to do
And I want to tell you so much
I love you”

ލަވައިގެ ފުރަތަމަ ކަޑި ކިޔާ ނިންމާލުމާއެކު ޒޫރިންގެ ކަންފަތުގައި ޖެހުނީ ފިރިހެންވަންތަ ހުނުމެއްގެ އަޑެވެ. އެއާއެކު އެންމެ ސުކުންތަކަށް ވެސް ޒޫރިންނަށް ކެތެއްނުކުރެވުނެވެ. ގިޓާ ހިފައިގެން ފުންމައިގެން ތެދުވެ ހުނުމުގެ އަޑު އިވުނު ދިމާއަށް ބަލާލައިފިއެވެ. ކުރިމަތީ ފެންނަން ހުރި ޒުވާނާ ވަރުގެ ފުރިހަމަ ފިރިހެނަކު މީގެ ކުރިން ޒޫރިންނަށް ފެނިފައެއް ނެތެވެ. އައުބުކިޔާނޭ އެންމެ ސިފައެއް ވެސް ޒޫރިންނަށް ފާހަގަނުވިއެވެ. ލައިގެން ހުރި ޖިންސުގެ ކުރިމަތީ ދެ ޖީބަށް ދެއަތްތިލަ ކޮށްޕައިލައިގެން ހުރި އޭނާގެ ނިތްކުރީގެ ބޮޑުބައެއްވަނީ އޭނާގެ ކަޅުކަން ގަދަ ފަށުވިހާ ފަން އިސްތަށިގަނޑުން ފޮރުވިއެވެ. އެހެން ހުރެ އަނެއްކާ ވެސް އެ ޒުވާނާ ހީނލައިފިއެވެ.

“އޭމް އައި ދެޓް ބޭޑް… ލަވައެއް ކިޔޭތޯ އުޅުނީ…” ރަކި ގޮތަކަށް އިސްޖަހާލާފައި ގިޓާގައި ބައްދާލަމުން ޒޫރިން ބުނެލިއެވެ.

“ލަވަކިޔަން ނޭނގުނަސް ގިޓާކުޅެން ވަރަށް މޮޅު…” އިރުކޮޅަކު ހުރެލާފައި އީތަން ބުނެލިއެވެ. ޒޫރިން ފެނި އޭނާގެ ހާސްކަން ފިލައި ދިޔަ ކަހަލައެވެ.

“ތި ވަސް އަލުން ދުވާނީ ކޮންއިރަކުން ބައޭ ހިތަށް އަރާފައި ހުރީ…”

“ވަހޭ!….” އީތަން ހައިރާންވިއެވެ. އެހެންނަމަވެސް އޭނާގެ ކުރިމަތީ ހުރި އަންހެންކުއްޖާއަށް އޭނާ ވަރަށް ރަނގަޅަށް ބެލިއެވެ.

އަޅިކުލައިގެ ހޫޑީ ޖެކެޓެއް ލައިގެން ހުރިއިރު އެތެރެއިން ހުރީ ކަކުލުން މައްޗަށް ހުރި ޓީޝާޓެއް ލާފައެވެ. ކުދިކުދި މިނިއަންސް ޖަހާފައި ހުރިއިރު ހީވަނީ އޭނާ އެހުރީ ނިދާ ހެދުމުގެ ބޭރުން ޖެކެޓު ލައިގެން ހެންނެވެ. ބްލޮންޑުކޮށްފައިވާ އިސްތަށިގަނޑު ހާވާލާފައި އޮތް އިރު ކޮނޑުގެ ދެފަރާތުން އިސްތަށިގަނޑުގެ ބައެއް ވެއްޓިފައި އޮތެވެ. އަލިއަލި ދޮން މޫނެކެވެ. ހިނިތުންވެލާ ކޮންމެ ފަހަރަކު އެ ހިނިތުންވުމުގައި ޚާއްޞަގޮތެއް ހުންނަހެން އީތަންއަށް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ ސުވާލު އުފެދުނެވެ.

ކުރިމަތީގައި ހުރި އަންހެންކުއްޖާގެ އިސްތަށިގަނޑުގައި ޖައްސާފައި ހުރި ކުލައިން އޭނާ ރާއްޖޭން ބޭރު ވައްތަރު ޖެހިނަމަވެސް ވާހަކަ ދެއްކުމުގައި ދިވެއްސަށް ދޫފަރިތަކަށް އީތަންއަށް ފާހަގަކުރެވުނެވެ. ރޭޝްމާއާ ޝައުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެގޭގައި އޭނާ ނޫން މީހަކު ނޫޅޭ ކަމުގައެވެ. އެހެންމީހަކު ނޫޅޭނަމަ މިހާރު މިވަގުތު އީތަންގެ ކުރިމަތީގައި އެ ހުރީ ކޮންއަންހެންކުއްޖެއްބާއެވެ.

“އަނެއްކާ މީ ރޭޝްމާ ކަހަލަ އަންހެންކުއްޖެއްބާ؟ އެފަދަ ރީތިކަމެއް ލިބިފައި އެބަހުރި… ރޭޝްމާ ބަހައްޓާފައި ހުންނަ ކުއްޖަކަށްވާނީ… އެކަމަކު… އެކަމަކު…. ތަފާތުކަމެއް ވެސް އެބަހުރި… ދަންނަގޮތެއް ހުރިހެން ހީވަނީ… އެހެންވާނީ ކިހިނެއް؟ އަހަރެން ދުވަހަކު ވެސް ޖޭޒް ނޫން އަންހެންކުއްޖެއް ކައިރިއަކަށް ނުދަން…”

“ކޯއްޗެއް ތި ވިސްނަނީ؟ އަހަރެން ބްލޮންޑުވީމާތަ؟ އެކަކު ވެސް ނުބުނޭ އަހަންނާ މިކުލަ ނުގުޅެއެކޭ، ނޫނީ އަހަރެން އަނގަމަތީގައި އެއްޗެއް ހުރީތަ؟ ހުރެވެސް ދާނެ… ދެން މިތާ އިނދެ ޗޮކުލެޓުކޭކަށް މާޝިމެލޯސް އަޅައިގެން ކެއީ… އެބަހުރިތަ އަނގަމަތީ ހޭކިފަ” އީތަން ބަލަން ހުރި ގޮތުން އިރުކޮޅަކު ހިމޭނުން ހުރެފައި ޒޫރިން ވާހަކަދެއްކިއެވެ. އަދި އޭނާ ކުރިން އިށީނދެ އިން ގޮނޑީގައި އަތުގައި އޮތް ގިޓާ ލައްކޮށްލާފައި މޫނުގައި އަތްހާކާލިއެވެ.

“މޫނުގައި އެއްޗެއް ހުރެގެންނެއްނޫން… ތީ ދިވެހިކުއްޖެއް ދޯ…” އީތަން ނަޒަރު ވަކިކޮށްލާފައި އަލުން ޒޫރިންނަށް ބަލާލަމުން އަހާލިއެވެ.

“އާނ! ދިވެއްސެއް… މާލޭ މީހެއް… ޒޫރިން ކިޔަނީ… ތީ ކޮންނަމެއް ކިޔާ މީހެއްކަން ނުބުނާނަންތަ؟”

“ޒޫރިން… ނައިސް ނޭމް… އަހަންނަށް ދޯ… އަހަންނަށް ކިޔަނީ އީތަން”

“އީތަން… ވަރަށް ރީތި ނަމެއް، އާދެބަލަ! މިތާ އިށީންނަންވީނު… ވާހަކަދައްކާލަން، ކޭކު ކާނަންތަ؟ ގެނެސްދެންތަ އެއްޗެއް”

ޒޫރިންގެ ހަރަކާތްތައް ފެނި އީތަން ހައިރާންވިއެވެ. އެ އަންހެންކުއްޖާ އޭނާއާ ދިމާވި މީ ފުރަތަމަ ފަހަރެވެ. އެކަމަކު އޭނާ އެހާވަރުން އީތަންނާއިގެން އެ އުޅެނީ ކީއްވެބާއެވެ. އަނެއްކާ ނުބައި ޚިޔާލެއް އޭނާގެ ހިތުގައި އޮތީބާއެވެ. ކޮންމެއަކަސް ޒޫރިންގެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަން އީތަންއަށް ނަގައިގަންނަން ނޭނގުނަސް އޭނާ ޒޫރިންގެ ގާތަށް އައެވެ.

“އެއްޗެއް ގެންނާނެ ކަމެއްނެތް، އަހަރެން މިތާ ހުރެދާނަން، މިގަޑީގައި މިތަނުގައި ކީއްތޯ ކުރަނީ އަހާލެވިދާނެތަ؟”

“މިއުޅެނީ ނިދިނައިސްގެން… އެހެންވެ ގިޓާ ހިފައިގެން މިތަނަށް ނުކުތީ، ރީތި ރެއެއްނު މީ، އެހެންނޫނަސް އަހަރެން މިރޭ މިތަނަށް ނުނިކުންނަމަ އީތަންއެއް ނުފެނުނީސް، އަހަރެން ވަރަށް ނަސީބު ގަދަ…”

“ހެ ހެ ހެ… ދިވެހިންކަން އެނގޭ ތި ވާހަކަދައްކަނީ، އެކަމަކު އަހަންނަށް ޒޫރިން ތި ދައްވާ ވާހަކައިން އޮޅުން ފިލަނީ ދެބައިކޮށްފައި އެއްބަޔަށްވުރެ ވެސް ކުޑަ މިންވަރެއް”

“ރަނގަޅުވާނެ… އަދި ފަހުން އެނގޭނެ…” އީތަންގެ ގައިން ދުވާ ލުއިލުއި މީރުވަހުން ޒޫރިންނަށް ހުވަފެނީ ދުނިޔެއަކަށް ވަދެވިފައި ހުރި ކަހަލައެވެ. އީތަން ނޫނީ ވަށައިގެންވާ ހުރިހާ އެއްޗެއް ފަނޑުވެ ފުސްވެފައިވާ ކަހަލައެވެ.

“ކީއްވެ ވާހަކަ ނުދައްކަނީ” ޓެރެސްގެ ފާރުބުރީގައި އަތްއަޅުވާލައިގެން ތަޅުމަށް ނަޒަރު ހުއްޓާލައިގެން ހުންނަން ފެށުމުން ޒޫރިން ވާހަކަދެއްކިއެވެ.

“ބިރެއް ނުގަނޭތަ އެކަނި ތިހެން ނުކުމެ ހުންނަން؟”

“ކީއްވެ ބިރުގަންނަންވީ؟ އަނެއްކާ ތީ ޖިންނިއެއްތަ؟ ނޫނީ ވެމްޕަޔަރެއްތަ؟ އެހެންވެ ތިހާ ރީތީ” ޒޫރިންގެ ވާހަކަ ނުނިމެނީސް އީތަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ވަރަށް ފުން ބަލާލުމަކުން ޒޫރިންނަށް އީތަން ބަލާލިއެވެ. އޭރު ވެސް އޭނާ ހުރީ ހިނިއައިސްފައެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫ ނަމަވެސް އީތަންގެ ސަމާލުކަން ޒޫރިން ހޯދައިފިއެވެ. ފުރަތަމަ ބައްދަލުވުމުން އެކަނި ވެސް އެ އަންހެންކުއްޖާގެ ޚާއްޞަ ގޮތެއް ހުރިކަމުގެ އިހުސާސެއް އީތަންއަށް ކުރެވިއްޖެއެވެ. ޒޫރިންގެ އަޑުގައި ދަމާ ބާރެއް ހުރި ކަހަލައެވެ. އެ އަންހެންކުއްޖާގެ ވާހަކަތައް އީތަން އަޑުއަހާ ހިތްވިއެވެ. ސިކުނޑީގައިވާ ހާސްކަންފިލާ މީހާއަށް ކުރެވެމުންދިޔަ ހުރިހާ އުނދަގުލެއް ފިލާ ހިނގައްޖެ ކަހަލައެވެ. މާގިނަ ވާހަކައެއް އީތަން ނުދެއްކި ނަމަވެސް ޒޫރިން ފެންނަނީ އާދަޔާ ޚިލާފު ޖޯޝެއްގައި ހުރި ތަނެވެ. އީތަންއާ ސުވާލުކޮށްލުމާއެކު އެހާ އަވަހަށް އަމިއްލައަށް ޖަވާބު ވެސް ދެމުން ދިޔައެވެ.

“ކީއްވެ އަހަންނަށް އާދަޔާ ޚިލާފު ގޮތްތަކެއް މިވަނީ… މި އަންހެންކުއްޖާގެ ނަން އެނގުނެއްކަމަކު މީ ކާކުކަމެއް ވެސް ނޭނގޭ، އަނެއްކާ މިގެއަށް އައިސް މިއުޅެނީ ރަނގަޅުކަމަކު ނޫން، މި ކަހަލަ ގެއެއްގައި ރަނގަޅު އަންހެންކުއްޖަކު ނޫޅޭނެ… އެކަމަކު ވެސް… ކީއްވެ އަހަރެން މި އަންހެންކުއްޖާގެ ވާހަކަތައް އަޑުއަހަން ހުންނަ ހިތްވަނީ، ކީއްވެ މީނާގެ ކިބައިން ސަލާމަތްވެގެން ދުރަށްދާން ބޭނުންނުވަނީ…. އާނ! މީގެ ކުރިން އަހަރެންގެ ސިކުނޑީގައިވާ ހުރިހާ ހާސްކަމެއް އަހަރެން ދޫކޮށެއް ނުދޭ، އެކަމަކު މިވީ ކުޑަ ވަގުތުކޮޅު ތެރޭ، މި އަންހެންކުއްޖާ އަހަންނަށް ވަރުގަދަ ސިހުރެއް ހަދައިފި… އޭނާ އެ ހުރިހާ ވާހަކަ އަހަންނާ އެ ދައްކަނީ، އަހަންނަކީ ކާކުކަމެއް ވެސް އޭނާއަށް އެނގޭނީއެއްނޫން…”

ޤަބޫލުކުރަން ދަތި ހުވަފެނެއް ފެންނާތީ އެ ހުވަފެނުން ހޭލަންވީބާއޭ ނޫނީ އެ ހުވަފެނުން ލިބެމުންދާ ހިތްހަމަޖެހުމުގައި ދެމި ހުންނަންވީކަމެއް ނޭނގި ދެ ޚިޔާލެއްގައި އީތަން ހުއްޓެވެ. އޭނާގެ ނަޒަރު ޒޫރިންނާ ވަކިނުވެއެވެ. އެއްވަރަކަށް ހިނިތުންވެލައިގެން ހުރީއެވެ. އެހެން ހުރިއިރު ވަގުތު ދިޔަ ނުދިޔަ ގޮތެއް ވެސް ނޭނގެއެވެ. މީހާ ސިހުނީ ޖިންސުގެ ޖީބުގައި އޮތް ފޯނު ތެޅިގަތުމުންނެވެ. އަވަހަށް ޖީބުން ފޯނު ނަގާ ބަލާލުމާއެކު އީތަންގެ މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ. އޭނާ ޒޫރިންނަށް ބަލާލާފައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ޒޫރިން ވެސް ބަސްހުއްޓި ނުތަނަވަސްވެފައި އީތަންއަށް ބަލަން ހުއްޓެވެ.

“އީތަން… އަދި އަންނާނަންތަ؟” ސިޑިން ފައިބަން ހަރުފަތުގައި އީތަން ފައި އަޅާލުމާއެކު ޒޫރިން ގޮވާލާފައި އަހާލިއެވެ. އެހިނދު ފަސްއެނބުރުނު އީތަންއަށް ފެނުނީ އޭނާއާ ވަކިވާން ބޭނުންނުވެފައި ޒޫރިންނެވެ. އޭނާގެ މޫނުމަތި ވަގުތުން މިލައިގެން ގޮސްފައި ހުރި ތަނެވެ. ބުނާނީ ކީކޭކަމެއް އީތަންއަކަށް ނޭނގުނެވެ. އޭނާއަށް ވެސް ޒޫރިންނާ ބަދަލުކޮށްލެވުނީ މާނަފުން ބަލާލުމެކެވެ. އެއަށްފަހު އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ސިޑިން ފައިބައިގެން އައީއެވެ.

“އީތަން..” ވައި އަޑުން އީތަންގެ ނަން ކިޔާލުމާއެކު ޒޫރިން ސިޑިއާ ދިމާއަށް ދިޔައެވެ. އެހެންނަމަވެސް ހަރުފަތުގައި ފައިތިލަ ޖައްސާލުމުގެ ބަދަލުގައި އޭނާ ފަހަތަށް ޖެހުނެވެ.

“މިރޭ މަންމަގެ ރައްޓެހިންތަކެއް އަންނާނެއޭ ބުނި، އެމީހުންނަށް އަހަރެން ފެންނާކަށް މަންމަ ނޭދޭ، މަންމަ ހީކުރާނީ އަހަރެން އޮތީ ނިދާފައި ކަމަށް، ތިރިއަށް ދިއުން ރަނގަޅެއް ނުވާނެ… މަންމަ ނުކުރާށޭ ބުނެފައި އޮތްކަމެއް ކުރުން ރަނގަޅެއް ނުވާނެ، އެކަމަކު އީތަން… އެއީ ހަމަ އޭނާ… އެ ވަސް… އެ އިސްތަށިގަނޑު… އެ އިސްކޮޅު… ފުރަގަހުން ފެނުނީމާ އެކަން މާބޮޑަށް ވެސް ޔަޤީންކުރެއްވިއްޖެ، އޭނާ އެ ދިޔައީތަ؟ ދެން އަހަރުމެން ދެމީހުން ބައްދަލެއް ނުވާނެތަ؟” އަމިއްލަ ނަފްސާ ޒޫރިން ވާހަކަދެއްކިއެވެ. އީތަން ދިއުމުން ވަރަށް ބޮޑަށް މާޔޫސްވާގޮތް ޒޫރިން ވެއްޖެއެވެ. އިރުކޮޅަކު ޓެރެސްގައި ހުރެލަފައި ގިޓާ ހިފައިގެން ގޭތެރެއަށް ވަދެ އޭނާގެ ކޮޓަރިއަށް އައެވެ.

“ކޮންތާކުން ތިއައީ، އަހަރެން ހީކުރީ ނައްޓާލީކަމަށް” ސިޓިންރޫމު ކުރިމައްޗަށް ހުއްޓުމާއެކު ޝައުން ބުނެލިއެވެ.

“ތަނަކަށް ނޫން” އަވަސް އަރުވާލާފައި އީތަން ބުންޏެވެ.

“އޭނަ އެބައޮތް ކޮޓަރީގައި، ބުނީ އީތަންއަށް ގޮވާށޯ…. ދޭބަލަ…” ޝައުން ސިއްރުސިއްރުން އީތަންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“އަހަންނަކަށް ނުވާނެ، ޝޯންއަށް ފުދިއްޖެއްޔާ ހިނގާ ދާން، އަހަރެން ބޭނުންވަނީ މިގެއިން ވަރަށް އަވަހަށް ނުކުންނަން” އީތަންގެ މޫޑު ގޯސްވެއްޖެކަން ޝައުންއަށް ޤަބޫލުކުރެވުނެވެ. އެހެންވެ ދެބަސްވުމުގެ ކުރިން އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި އެނބުރި ރޭޝްމާ އޮތް ކޮޓަރިއަށް ވަނެވެ. އީތަން ސިޓިންރޫމު ދޮރުމަތީ މަޑުކޮށްލައިގެން ހުރިގޮތަށް ހުއްޓެވެ. އެހެންނަމަވެސް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދޭތެރެއަކުން ޓެރެސްއަށް އަރަން ހުރި ސިޑިއަށް ބަލާލާފައި މައްޗަށް ބަލާލެވެއެވެ. އެގެއިން ނުކުންނަން ބޭނުންވަނީ ރޭޝްމާގެ ކިބައިން ސަލާމަތްވުމަށެވެ. ހަމަ އެއާއެކު ޒޫރިންނާ ވާހަކަދައްކާލަން މަޑުކޮށްލަން އީތަންގެ ހިތް އެދެއެވެ.

“ހިނގާ ދަމާ” ޚިޔާލަކަށް ގެއްލިފައި ހުއްޓާ ޝައުން އައިސް އީތަންގެ ކުރިމަތީ މަޑުކޮށްލަމުން ބުނެލިއެވެ. އޭރު ރޭޝްމާ އޭނާގެ ކޮޓަރިން ނުކުމެގެން އާދެއެވެ. އީތަންއަށް އޭނާ ފެނުމާއެކު އަވަސްއަވަހަށް ދުރަށް ފިޔަވަޅުއަޅާލެވުނެވެ.

ރޭޝްމާ ސިޓިންރޫމު ދޮރުމަތީ އައިސް މަޑުކޮށްލައިގެން ހުއްޓާ ޝައުން އާއި އީތަން އެގެއިން ނިކުތެވެ. ދޮރޯށި ލެއްޕި ތަޅުލެވުނު އަޑާއިއެކު ރޭޝްމާ ސިޓިން ރޫމުގެ ދޮރު ލައްޕާ ތަޅުލިއެވެ.

ކާރުގެ ދޮރުފަތް ހުޅުވާލާފައި ކާރަށް އަރާ ޝައުން ހަމަޖެހިލިއެވެ. އަދި އީތަން ހަމަޖެހިލަންދެން މަޑުކޮށްލާފައި ކާރު ދުއްވާލިއެވެ. އެއާއެކު މިރޭ އީތަން ކަންތައްކުރިގޮތް ޝައުންއަށް ކަމަކު ނުދިޔައެވެ. ބަހެއް ވެސް ނުބުނެ އީތަން އިން އިރު އޭނާއަށް ވިސްނެނީ ޒޫރިންނާ މެދުއެވެ. ރޭޝްމާމެން ގެއިން ޒޫރިންނާ ބައްދަލުވި ވާހަކަ ޝައުން ގާތުގައި ބުނަން އުޅެފައި އީތަންގެ ހިތާއި ޟަމީރު އެކަމާ އެއްބަހެއް ނުވިއެވެ. އެކަމަކު މުޅިއަކުން ސިއްރުކުރާކަށް ވެސް އީތަން ބޭނުމެއްނޫނެވެ. ހަމައެކަނި ބޭނުންވީ ޒޫރިންގެ ވާހަކަ ފަހުން ކިޔާދޭށެވެ.

ޝައުންމެންގެއަށް ވަދެ އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު އޭނާ އަވަސްވެގަތީ ފާޚާނާއަށް ވަނުމަށެވެ. އީތަން އެނދުގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. ޝައުން ފާޚާނާއިން ނުކުތީ ފެންވަރާލައިގެންނެވެ. ދެ ޒުވާނުން އިނގިރޭސި ސީރީޒްއެއް އަޅުވައިގެން އެނދުގެ ހުރަހަށް ދެމިލައިގެން ތިއްބެވެ. އީތަން ޓީވީއަށް ބަލަން އޮވެ ދޭތެރެއަކުން ހީނލައެވެ. ނަމަވެސް ޓީވީއިން ފެންނަމުން ދަނީ ހިނިއަންނަ ޒާތުގެ މަންޒަރުތަކެއް ނޫނެވެ. ތަންކޮޅެއް ބޮޑަށް އަޑުވީއްލާ ހެވުމާއެކު އީތަން އަވަހަށް ބަލާލީ ކައިރީ އޮތް ޝައުންއަށެވެ. އޭނާ އޮތީ ގަދަ ނިދީގައެވެ. އެހެންވެ އީތަން ވެސް ހަމަޖެހިލިއެވެ.

“އިޒް އިޓް މީ ޔޫ ލުކިން ފޯ… މޮޔަ އަންހެންކުއްޖެއް އެއީ…. އަހަރެންގެ މޮޔަކަން ވެސް ކުޑައެއްނޫން، އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުންނާނީ ޤައިމު މަވެސް މޮޔަވީމަތާ…” ހިނިއައިސްފައި އޮވެ އީތަން އޭނާގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

“އޯ ޒޫރިން… ތީ ކޮންކަހަލަ އަންހެންކުއްޖެއްތަ؟ ހަމަ މިރޭތަ ދިމާވާން އެނގުނީ، ކޮންކަހަލަ ގެއެއްގައި ތިހުންނަނީ، ތީ ވެސް ރޭޝްމާ ފަދަ ކުއްޖެއްތަ؟” ސިކުނޑިއަށް ބާރުލަމުން އީތަން ސުވާލުކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

ފުރަތަމަ ފަހަރަށް ޖަޒްލާގެ ޚިޔާލުތަކާ ވެސް އީތަން ދުރުކުރުވި މީހަކީ ޒޫރިންނެވެ. އަޖައިބެއް ކަހަލަ އެ އަންހެންކުއްޖާގެ ޚިޔާލުގައި އޮއްވާ އީތަންއަށް ނިދުނީއެވެ.

“ޝޯން… އޭތް! ކީއްތަ ތި ކުރަނީ… މީ މަށޭ” ނިދިފައި އޮތް އީތަންއަށް ހޭލެވުނީ ޝައުން އޭނާގެ އަތުގައި ހިފައިގަނެގެން ދަމާވަރުންނެވެ.

“ވަޓް ދަ…” ލޯ ހުޅުވާލެވުމާއެކު ޝައުން ވަގުތުން އީތަންގެ އަތުން ދޫކޮށްލިއެވެ.

“ސާބަސް އިނގޭ…” ނިދިބަރު އަޑަކާއެކު އީތަން އެނދުން ތެދުވަމުން ބުނެލިއެވެ. އަދި ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އެހިނދު ޝައުން ނިކަން ބާރަށް ހީނގަތް އަޑުއިވުނެވެ. އަދި އޭނާއަށް ނިކަން ރީތި ކުއްޖަކު ހުވަފެނުގައި ފެނުނީކަމުގައި ބުންޏެވެ. އެއާއެކު އީތަންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ރޭގައި ހިނގާ ދިޔަ ކަންތައްތައް ރިވައިންޑުކޮށްލި ފިލްމުގެ މަންޒަރުތައް ފަދައިން ސިކުނޑީގައި ކުލަވެގެން އައެވެ. ރޭގައި ކުރެވުނު އިހުސާސްތައް އަލުން އީތަންއަށް ކުރެވިގެންދިޔައެވެ. މެޔަށް ފިނިވިގެން ދިއުމާއެކު އީތަންއަށް ދެ ލޯ މަރާލެވުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ.

“ކިހިނެއްވީ؟ ޤަބޫލުނުކުރެވުނީތަ؟ ބަލަ ހުވަފެނުގައި ވިޔަސް ރީތި ކުދިން ފެނުނީމާ ކިހިނެއްތަ މަޑުމަޑުން ހުންނާނީ” އީތަން ބޯހޫރާލިތަން ފެނިފައި ޝައުން ވާހަކަދެއްކިއެވެ. އީތަން އަނގައިން ނުބުނެ ފާޚާނާއަށް ވަނެވެ.

“ޝޮނޫ… ދައްތަ ގޮވާލައްވަނީ، ބްރެކްފަސްޓު ހަދަނީ، ކޮފީ ގެންނަނީތަ؟” ކޮޓަރީގައި ޓަކި ޖަހާލުމާއެކު އެތެރެއަށް ވަންނަން ޝައުން ހުއްދަ ދިނުމުން ގޭގައި ގެންގުޅޭ ކުއްޖާ ޖަޔަންތާހަރީ ވަދެ ވާހަކަދެއްކިއެވެ.

“ޖޭން… ޝޮނޫއެއްނޫނޭ ކިޔަނީ، މިހާރު ކިތަށް ފަހަރު ކިޔައިދީފިން، ޝޯން ކިޔަން ނޭނގެންޏާ ދެން ނުކިޔާ، ކޮފީ ވެސް ބޭނުމެއްނޫން، މަންމަ ގާތު ބުނޭ އަހަންނާ އީތަން އެބަ ދެޔޭ”

“ޖީ..” ހިންދީބަހަށް އަހުލުވެރިވެފައިވާ ޖަޔަންތާހަރީ ދެފަރާތަކަށް ބޯހަރަކާތްކޮށްލާފައި ބުނެލިއެވެ. އަދި ނިކަން އަވަހަށް އެކޮޓަރިން ނުކުމެގެން ދިޔައެވެ.

ސައިބުއިމަށް ބަދިގެ ފަރާތަށް ޝައުން އާއި އީތަން އައިއިރު މީޒާ އުޅެއެވެ. އޭނާއަށް ޝައުން ފެނުމާއެކު އަވަހަށް އައިސް މޭޒު ދޮށުގައި އިށީނުމަށް ބުންޏެވެ. ދެ ޒުވާނުންނަށް ސައި ތައްޔާރުކޮށްދީފައި ޝައުން އިށީނދެގެން އިން ގޮނޑި ކައިރީ މަޑުކޮށްލަމުން މީޒާ ސުވާލުކޮށްލިއެވެ.

“ރޭގައި ބޭރަށް ދިޔަގޮތަށް ކޮންއިރަކު ގެއަށް، އެހާ ދަންވަގުތެއްގައި ކޮންތާކަށް ދިޔައީ، ޔަޤީނުން ވެސް އެކެއް ޖެހިއިރަކު ގެއަކަށް ނާދޭ… މަންމަ ޝައުންގެ ކޮޓަރި ބެލިއިރު ނެތީމަ މަންމައަށް އެނގުނީ” މީޒާގެ ސުވާލުން އީތަން އާއި ޝައުން އެކަކު އަނެކަކަށް ބަލާލިއެވެ. އީތަންގެ ހަރަކާތްތައް ހުއްޓި ޝައުންއަށް ބަލަން އިނުމުން މީޒާއަށް ވެސް ބަލަން ހުރެވުނީ ޝައުން އަށެވެ.

“ރޭގަ ކާރު ދުއްވާލަން ނުކުތީ، އަޅުގަނޑު ފުރަތަމަ ފަހަރަށް ކާރަށް އެރީމަ މަންމަ ބުނިހެން ނުލާހިކު ބަލައިގެން ދުއްވީ، މާލޭގެ މަގުތައް ދުއްވާއެއްޗެހިން ފުރިފައި އޮންނައިރު ކިހިނެއް ބާރަށް ދުއްވާނީ… އެހެންވެ ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނު، އަޅުގަނޑަށް ވެސް ގެއަށް އައިސް ގަޑި ބަލާލަން ހަނދާނެއްނުވި، މަންމަ އޮށޮއޮތް ތަނާ ކަންނޭނގެ އަޅުގަނޑުމެންނަށް އެ އާދެވުނީ” ޝައުން ބުނެލިއެވެ.

“އެންމެ ރަނގަޅު، މަންމަ އަސްލު ސުވާލުކުރަން ޖެހުނީ އެހާ ދަންވަންދެން ބޭރުގައި އުޅުނީމާ، ބައްޕަ ވެސް އެހާ ހިތްހަމަޖެހިއެއްނުލައްވާނެ ދަންވަރު ބޭރުގައި އުޅޭކަށް، ކުރިން ވެސް ޝައުން ފޮނުވާލީ ތިޔަހެން އުޅޭތީވެ، މިފަހަރު މަންމަ ހީކުރަން ޝައުން އެ އުޅުން ނޫޅޭނޭ”

“މަންމާ، ޑޯންޓް ވޮރީ… އަޅުގަނޑު ކުރިން އުޅުނުހެން ނޫޅެމޭ”

ޝައުން ޖެހިލުމެއްނެތި މީޒާގެ ކުރިމަތީ ދޮގު ހަދާތީ އީތަން އިނީ ކަންބޮޑުވެފައެވެ. މީޒާއަށް ހަޤީޤަތް އެނގިއްޖެއްޔާ އީތަންދެކެ ވެސް ރުޅި އަންނާނޭ އީތަންއަށް ހީވަނީއެވެ.

އީތަން އާއި ޝައުން ހެނދުނުގެ ސައިބޮއެ ނިމުނުއިރު ދިހައެއް ޖަހައިފިއެވެ. އީތަން ބޭނުންވީ އޭނާގެ ގެއަށް ދިއުމަށެވެ. އެކަމާ ޝައުން ދެކޮޅެއް ނުހެދިއެވެ. އީތަންގެ މައިންބަފައިންގެ ގޮތް އޭނާއަށް އެނގެއެވެ. ޝައުންއަކީ ކިތަންމެ ގާތް ރަޙުމަތްތެރިއެއް ނަމަވެސް އެގޭގައި ތިން ހަތަރުދުވަހު ހުންނާކަށް އީތަންގެ ބައްޕަ އެއްގޮތަކަށް ވެސް ޤަބޫލެއްނުވާނެއެވެ. ދުވާލު ހަތަރުދަމު އުޅުނަސް ރޭގަނޑު ގެއަށް އަންނަން ސުފިޔާނު ޝަރުތުކުރެއެވެ. އެހާވަރުން ގެއަށްދާން އީތަން ބޭނުންވީ އެހެންވެއެވެ.

“ހިނގާ އަހަރެން ގެންގޮސްދޭނަން، އެހެންނޫނީ އީތަން ހިނގާފައެއްނު ދާންޖެހޭނީ” ޝައުންގެ ޚިޔާލާ އީތަން އެއްބަސްވިއެވެ.

ގޭޓު ކައިރީ މަޑުކޮށްލައިގެން ހުއްޓާ ގަރާޖުގެ ދޮރު މައްޗަށް އެރުމާއެކު ކާރުގައި ޝައުން ނުކުމެއްޖެއެވެ. ހަމަ އެވަގުތު އީތަންގެ ފޯނަށް ކޯލެއް އައެވެ. ދިއްލިފައިވާ އިސްކުރީނަށް ބަލާލުމުން ޖަޒްލާގެ ފޮޓޯއާއެކު އޭނާގެ ނަން އަރާފައި އޮތެވެ. ފޯނަށް ބަލަހައްޓައިގެން ހުއްޓާ ޝައުން ގޮވާލިއެވެ. ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އީތަން އައިސް ކާރަށް އެރިއެވެ.

“ދެން ތި ކޯލު ނަގަންވެއްޖެއެއްނު” ކާރު ދުއްވަމުން ދިޔަ ޝައުންއަށް އީތަން އޭނާގެ ފޯނަށް އިރުއިރުކޮޅާ ބަލާތީ އޭނާއަށް ކޮންމެވެސް މީހަކު ގުޅަނީކަން ޔަޤީންވެގެން ބުނެލިއެވެ.

“ޖޭޒް އެ ގުޅަނީ…”

“އެ ދުވަހަށްފަހު އަދިވެސް ކަލޭމެން ދެމީހުން ވާހަކަ ނުދައްކަންތަ” ޝައުންއަށް ޤަބޫލުނުކުރެވިގެން އަހާލި ކަހަލައެވެ.

“ޖޭޒްއަށް އެއްޗެއް ވިސްނެން ބޭނުންވަނީ، ވަކި ދުރުމިނެއްގައި އެ ކައިލަން ބަހައްޓައިގެން ނޫނީ އަހަރުމެން ދެ މީހުންނަށް ގުޅިގެން ނޫޅެވޭނެ…”

“އޭނާ ކިޔާ އެއްޗެއް އަޑުއިވޭނީ ވެސް ކޯލަށް ޖަވާބު ދިނީމައެއްނު”

“އެނގޭ ތިކަން ވެސް، އެކަމަކު އަދި ޖަވާބުދޭން ބޭނުންނުވަނީ….” ފޯނަށް ބަލަހައްޓައިގެން އިނދެ އީތަން ބުނެލިއެވެ.

ގެއަށް އައިސް އީތަން ވަންއިރު ސިޓިންރޫމުގައި ރާބިއާއިނެވެ. އީތަންއަށް ގޮވާލާފައި ޝައުން ކިހިނެއްތޯ އާއި އޭނާގެ މައިންބަފައިންގެ ހާލު އޮޅުން ފިލުވިއެވެ. އީތަން ސޯފާގައި އިށީނުމުގެ ބަދަލުގައި ކޮޅަށް ހުރެ ރާބިއާއަށް ޖަވާބުދީފައި އޭނާގެ ކޮޓަރިއަށް އައެވެ. އޭރު އަނެއްކާ ވެސް ޖަޒްލާ ގުޅައިފިއެވެ. އީތަން ފޯނަށް ބަލަހައްޓައިގެން ހުރެ އައިސް އެނދުގައި އިށީނެވެ.

ޖަޒްލާގެ ކޯލަށް ޖަވާބެއް ދޭން އީތަން ބޭނުމެއްނުވިއެވެ. ފޯނު ސައިލަންޓަށް ލާފައި އެއްފަރާތު ކަބަޑުމަތީ ބާއްވާލުމާއެކު އެނދު ހުރަހަށް ވެއްޓިގަތެވެ. ނިތްކުރީގައި ދެ އަތުން ހިފަހައްޓައިލައިގެން އިރުކޮޅަކު އޮވެފައި އެނދުމަތީ ދެ އަތް ފަތުރާލިއެވެ. އޭރު ވެސް އީތަން އޮތީ ލޯ މަރާލައިގެންނެވެ. އޭނާ ކޮންމެވެސް ބޮޑު ފިކުރެއްގައި އޮތް ކަހަލައެވެ.

* * * *

“ކިހިނެއްވެފައި ތިއޮތީ؟ ކާން ވެސް ނުނިކުންނާތީ މަންމަ މިއައީ” ޒޫރިންގެ ކޮޓަރީގެ ދޮރުފަތުގެ ތަޅުގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ރޭޝްމާ ބުނެލިއެވެ. އޭރު އެނދުމަތީ އެއްއަތް ބޯދަށަށް ލައްވާލައިގެން އަނެއްއަތުގައި އޮތް ވާހަކަފޮތް މޭމަތީ ބާއްވާލައިގެން ކަމަކަށް ގެއްލިފައި ޒޫރިން އޮތެވެ.

“ކަމެއްނުވޭ، ވާހަކައިގެ މަންޒަރެއް ސިފަކޮށްލެވުނީ…” ޒޫރިން ތެދުވެ ވާހަކަފޮތް އެނދުކައިރި ހުރި އަރިމަތީ ކަބަޑުގެ މަތީ ބާއްވާލިއެވެ. އަދި ތަރުތީބުގެއްލިފައިވާ އޭނާގެ އިސްތަށިގަނޑު އަތުން އޮމާންކޮށްލުމާއެކު ބާލީސް ދަށުން ނެގި ވޫލުކޮޅަކުން އައްސާލިއެވެ.

“ރީންގެ ކަމަކީތީ… ވާހަކައަށް ގެއްލިފައި އޮތްހެން މަންމައަށް ކުރިން ވެސް ހީވިއޭ، މިތާ ދޮރުމަތީ އިރުކޮޅަކު ހުރެފައި ވިއްޔާ މި ގޮވާލީ ވެސް، އޭގެ ކުރިން ދަރިފުޅަށް ހިލަމެއް ވެސް ނުވި، ދެން އާދޭ ކާން… ކައިގެން ވާހަކަ ކިޔަން އިނަސް އެންމެ ރަނގަޅު، އާދޭ އަވަހަށް! ރީން!” ރޭޝްމާ ބުނެލިއެވެ.

“މިއަދު އެހާ ބަނޑުހައެއްނުވޭ” ގަޔާނުވެ ހުރެ ރޭޝްމާގެ ފަހަތުން ހިނގައިގަތް ޒޫރިން ބުނެލިއެވެ.

“އެއްވެސް ކަމެއް ކުރާހިތެއްނުވާނެ ތި ކިޔަން ގެންގުޅޭ ވާހަކަ ނުނިމެނީސް، މަންމައަށް އެނގެޔޭ ރީންއަށް ތިވެގެން އުޅޭގޮތް” ރޭޝްމާ ހުރީ ހިނިއައިސްފައެވެ.

ކާމޭޒު ދޮށުގައި ޒޫރިން އިށީނެވެ. އޭނާ ކާހިތުން ނޫންކަން އިނީ ރޭޝްމާއަށް އެނގޭތީވެ ޒޫރިންގެ ތަށްޓަށް ކާއެއްޗެހި އަޅައިދިނީ ޚުދު ރޭޝްމާއެވެ. ޒޫރިންގެ ތަށްޓަށް އެޅި ބަރަބޯ ރިހަ އާއި ބަތާ ރަނގަޅަށް މޮޑެލުމަށްފަހު ތަށީގެ އެއްފަރާތުގައި ކިއުކަމްބަރ ދެތިންފޮތި ބާއްވާފައި އުލާއި ސަމްސާ ރޭޝްމާ ދިއްކޮށްލިއެވެ.

“ރީން! ކާންފަށާ…” ރޭޝްމާ އޯޑަރެއް އިއްވާލި ކަހަލައެވެ. ދެން ފެނުނީ ޒޫރިންނަށް ޖޫސްތަށްޓެއް ހަދައިގެން ގެނެސް މޭޒުމަތީ ބެހެއްޓިތަނެވެ.

“މަންމާ! އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ބަތް ސަމްސަލެއް އަނގަޔަށް ލާފައި އިރުކޮޅަކު ބަތްތަށްޓަށް ބަލަން އިން ޒޫރިން ވާހަކަދެއްކިއެވެ.

“ހޫނ! އަހާބަލަ، އެކަމަކު ބުނަން، ބަތްތަށި ހުސްނުކޮށް ގޮސްގެން ނުވާނެ، ތިހާ އެތިކޮޅެއް ރީންއަށް ނުކެވިއެއް ނުހުންނާނެ” ރޭޝްމާއަށް ހީވީ ޒޫރިން ކެއުމުން ދުރުވެގަންނަން އުޅެނީއެވެ.

“ނުކާކަށް ނޫޅެމޭ… އަޅުގަނޑު އަހަން އުޅުނީ… ރޭގައި… ރޭގައި މިގެއަށް އައީ ކޮންބައެއްތޯ” ޖެހިލުންވެފައި އިނދެ ޒޫރިން އަހާލިއެވެ. އެހިނދު ރޭޝްމާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.

“ކިހިނެއްވީ؟” ރޭޝްމާ ނިކަން އަވަހަށް އަހާލިއެވެ.

“ބަޔަކު އައިކަން އެނގޭތީ، ފްރިޖުގައި ފީޒާ ހުއްޓާ ވެސް ދުށިން… ނާޒިލުބެ އައީތަ؟” ރޭޝްމާގެ އަމިއްލަ ކަންތައްތަކާ ދުވަހަކު ވެސް ސުވާލުނުކުރާ ޒޫރިންނަށް މިއަދު ސުވާލުކުރުން ފަސޭހަކަމަކަށް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ސުވާލުތައް ގުޅިފައިވަނީ ރޭޝްމާގެ ގާތަށް ރޭގައި އައި މީހުން އޮޅުން ފިލުވުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ޒޫރިން ހަމައެކަނި އެނގެން ބޭނުންވަނީ އީތަންގެ މަޢުލޫމާތެވެ. އެއީ ކާކުކަމެވެ. އަލުން އޭނާއާ ބައްދަލުވުމަށް ޒޫރިން ބޭނުންވެއެވެ.

އެއްވެސް ކަމެއް ކުރާހިތް ނުވެ ޚިޔާލަކަށް ގެއްލިފައި ޒޫރިންއަށް ހުރެވެނީ އީތަންގެ ސަބަބުންނެވެ. އޭނާއާ ދެން އެންމެ އަވަހަށް ބައްދަލުވާނޭ އިރަކަށް އިންތިޒާރު ކުރެވެނީއެވެ. ލޯމަރާލާފައި ހުޅުވާލާ ކޮންމެ ފަހަރަކު ހީވަނީ ނޭފަތުގައި އީތަންގެ ކައިރީ ހުރިއިރު ދުވި މީރު ވެސް ހަރުލާފައި ހުންނަހެންނެވެ.

“އާނ! ނާޒިލްބެގެ ބައެއް ރައްޓެހިން އައީ… ރީން ގާތު މަންމަ ބުނަމެއްނު އެހާ ދަންގަޑީގައި ހޭލާ ނޫޅޭށޭ”

“އަޅުގަނޑު ތިރިއަކަށް ނުދަމޭ، ޕީޒާ ގެނެސްފައި ހުރީމާ ހިތަށް އެރީ ނާޒިލުބެގެ ކަމަކަށޭ އެ ވާނީ، އެހެންވެ ހިތަށް އެރީ ރޭގައި ބަޔަކު އައީއޭ” ޒޫރިން އަވަސް އަވަހަށް ބުނެލިއެވެ. އީތަންއާ ރޭގައި ދިމާވިކަން ރޭޝްމާއަށް ސިއްރުކުރީއެވެ.

ގިނައިރެއްނުވެ ހާސްކަންމަތީ އިނދެ ޒޫރިން އަވަސްއަވަހަށް ބަތްތަށިކައި ހުސްކޮށްލިއެވެ. އޭރު ޒޫރިންގެ ވާހަކަތަކުން ރޭޝްމާ ވެސް ފިކުރެއްގައި އިނެވެ. ދޭތެރެއަކުން ޒޫރިންއަށް ބަލާލެވެއެވެ.

“ބަނޑުފަޅައިގެން ހިނގައިދާނެހެން ހީވަނީ… ފެންބޮވޭނީ އިރުކޮޅަކު… އަޅުގަނޑު މިދަނީ ކޮޓަރިއަށް” ޒޫރިން ތެދުވެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވީ ރޭޝްމާގެ ކުރިމަތިން ދުރަށްދާށެވެ. އިތުރު ސުވާލުތަކެއް އޭނާ ނުކުރަނީހެވެ.

“ދެން ކޮންއިރަކުން އަހަރުމެން ދެމީހުން ބައްދަލުވާނީ؟ މިރޭ އަންނާނަންތަ؟ ނޫނީ ދެން ދުވަހަކު ވެސް ނުފެންނާނެތަ؟ ހޭލާހުއްޓާ ފެނުނު ހުވަފެނެއްހެން ހީވީ… އީތަން ތި ދިޔައީ އަހަރެންގެ ހިތް ހިފައިގެން… އެވެސް ބައްދަލުވި ފުރަތަމަ ރޭ… ރަނގަޅަށް ދެމީހުން ނުވެސް އެނގެނީސް” ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޒޫރިން ހުރީ ޓެރެސްގައެވެ. އޭރު އެތަނަށް ހިޔާކޮޅެއް އެޅިފައި ނެތަސް ގަދަ ހޫނުގު އެއްވެސް އަސަރެއް ޒޫރިންނަށް ނުކުރާ ކަހަލައެވެ.

މުޅި ދުވަހު އާވާރާވެފައިވާ މީހަކުގެން އީތަންގެ ޚިޔާލުގައި ޒޫރިން އުޅުނެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ދޭތެރެއަކުން ގިޓާ ނަގައިގެން ރީތި ރާގެއް ކުޅެލައެވެ. އެހެންނަމަވެސް ގިޓާގެ ނަރުތަކުގައި އިނގިލިކުރި ޖައްސާލުމާއެކު ކުޅެވެނީ އެންމެ ރާގެކެވެ. އެއީ އީތަންއާ ބައްދަލުވި ވަގުތު އޭނާ ކުޅުނު އިނގިރޭސި ލަވައިގެ ރާގެވެ. މުޅި މީހާގެ ޠަބީޢަތް އެއްކޮށް ބަދަލުވެއްޖެއެވެ.

ޒޫރިންގެ ސުވާލުތަކުން ރޭޝްމާއަށް ލިބުނު ހާސްކަމުގެ ތެރޭގައި އޭނާއަށް އެހެންކަމެއް ފާހަގައެއް ނުކުރެވުނެވެ. ޒޫރިންގެ ޠަބީޢަތަށް ބަދަލެއް އައިކަމެއް ރޭޝްމާ ކުޑަކޮށް ވެސް ނުދެނަހުއްޓެވެ. އަނެއްކޮޅުން އީތަން އާއި ޒޫރިން ބައްދަލުވިކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އިރުއޮއްސެން ގާތްވެފައި ހުއްޓާ ރޭޝްމާ ކޮޓަރިއަށް ވަން ގޮތަށް ދޮރުތަޅުލިއެވެ. އަދި ފޯނުން ނިކަން އަވަހަށް ނާޒިލަށް ގުޅިއެވެ.

“ނާޒިލު، އަހަރެން ބުނީމެއްނު މިހާރު އަހަރެންގެ ގާތަށް މީހުން ގެންނާކަށް ބޭނުމެއްނޫނޭ…” ރޭޝްމާގެ އަޑުގައި ހުރި ކަންބޮޑުވުން ފޯނުގެ އަނެއްކޮޅުގައި ހުރި ނާޒިލަށް ފާހަގަވިއެވެ.

“ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟…”

“އާނ! ރޭގައި މިގެއަށް އައި ދެ ޒުވާނުންނަކީ ނާޒިލުގެ ރައްޓެހިކަމުގައި އައި ދެ ޒުވާނުންނެއްނު، ނާޒިލެއްނު އެމީހުން މިގެއަށް ފޮނުވީ”

“އެމީހުން ކިހިނެއް ހެދީ، އަހަރެން އެބަ ދަން… މިވަގުތު ފޯނުން ތި ވާހަކަ ދެއްކޭ ކަހަލަ ތަނެއްގައެއްނޫން މިހިރީ”

“އެންމެ ރަނގަޅު، އަވަހަށް އަންނާތި” ފޯނު ކޯލު ކަނޑާލުމާއެކު ރޭޝްމާ ތިރީތުންފަތުގައި ދަތްއަޅާލިއެވެ.

ނާޒިލު ގެއަށް އައުމުން އޭނާ ގޮވައިގެން ރޭޝްމާ އައީ އޭނާގެ ކޮޓަރިއަށެވެ. ރަނގަޅަށް ދޮރުލެއްޕުމާއެކު ނާޒިލަށް އިށީނުމަށް އެނދު ދައްކާލިއެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *