LOABIVAATHEE UFAA DHEYNAMEY [EP-03]

ލަންކާގެ މިއުޒިކު ދަސްކޮށްދޭ ރޭގަނޑުގެ ކުލާހަކަށް ޒޫރިން ގޮސް ގިޓާ ކުޅެން ދަސްކުރީއެވެ. އަމިއްލަ ގިޓައެއް އޭނާ ބޭނުންވީ އެހެންވެއެވެ. ޒޫރިންގެ ގިޓާ ކުޅުމުގެ ހުނަރު ރޭޝްމާ ވެސް ހައިރާންކޮށްލިއެވެ. ކުރިން ޒޫރިންގެ އެފަދަ ހުނަރެއް ހުރެދާނޭ ރޭޝްމާއަށް ހީވެފައި ނެތީމައެވެ. ކިތަންމެ އަގުބޮޑަސް ރޭޝްމާއަށް ޒޫރިންގެ އުފާވެރިކަން މާ މުހިއްމެވެ. ބޮޑެތި ޚަރަދުތައް ކުރާނޭ ދެވަނަ ފަރާތެއް ވެސް ރޭޝްމާގެ ހުރީއެއް ނޫނެވެ.

ޒޫރިން ގެންގޮސް އޭނާ ހުންނަ ހޮސްޓެލްއަށް ލުމަށްފަހު ވަރަށް ގިނަ ނަޞޭޙަތްދިނެވެ. އަދި ކޯހުގެ ބާކީ އޮތް ދުވަސްކޮޅުގައި ކެތްކޮށްލައިގެން ހުރުމަށް ވެސް އެދުނެވެ. ދެން އެ ދެމީހުން ދިމާވާނީ ޒޫރިންގެ ކޯސް ނިމުނީމައެވެ. އޭރުން ރޭޝްމާ އަންނާނީ ޒޫރިން ގޮވައިގެން އެނބުރި މާލެ ދާށެވެ.

މާލެ އައި މަގުމަތީ އެމިރެޓްސް ފްލައިޓުން ރޭޝްމާއާ ޖެހިގެން އިނީ ދިވެއްސެކެވެ. މީގެ ކުރިން ދުވަހަކު ވެސް ދެމީހުން ބައްދަލުވެފައި ނުވެއެވެ. އެހެންނަމަވެސް އެ މޫނަކީ ރޭޝްމާއަށް އައު މޫނެއް ނޫނެވެ. އޭނާގެ މިޒާޖު ނޭނގުނެއްކަމަކު އޭނާގެ އަޑު ރޭޝްމާއަށް ވަނީ އިވިފައެވެ. ހަރުދަނާ ސިފައެއް ލިބައިފައި ވެއެވެ. ރޭޝްމާއަށް ބަލާލާފައި ހިނިތުންވެލި ގޮތަށް އެ ތުންފަތުގައި ހިނިތުންވުން ނުފިލާ ވެއެވެ. މި ނޫނީ އޭނާ ހިނިތުންވެލި ތަނެއް ވެސް ރޭޝްމާ ނުދެކެއެވެ. ފްލައިޓު އުދުއްސާލުމާއެކު ސީޓުގައި އިތުރަށް ރޭޝްމާ ހަމަޖެހިލިއެވެ. ކަނދުރާއަށް ލުއެއް ދެމުން ރޭޝްމާ ލޯ މަރާލިއެވެ. އެހެންނަމަވެސް އޭނާއަށް އުނދަގޫތަކެއް ކުރެވެންފެށީ ޖެހިގެން އިން މީހާ މާ ވަރަކަށް ބަލާކަން އެނގިގެނެވެ. އެހެނޭ ކިޔާފައި އޭނާއަށް އެއްޗެއް ބުނާކަށް ރޭޝްމާއަކަށް ނުކެރުނެވެ. މޫނު އަނެއްފަރާތަށް އަނބުރާލުން ފިޔަވާ ރޭޝްމާއަށް އިތުރުކަމެއް ނުކުރެވުނެވެ. މި ނޫނީ ފްލައިޓުގައި އެގޮތަށް ފިރިހެނެއްގެ ފަރާތުން ރޭޝްމާއަށް އުނދަގުލެއް ފޯރާފައެއް ނުވެއެވެ. ކުއްލިއަކަށް ރޭޝްމާއަށް އިވުނީ އެ ފިރިހެންވަންތަ އަޑެވެ. ކައިރީގައި އިން މީހާގެ އަޑުކަން އެއީ ރޭޝްމާއަށް ޔަޤީންވެއެވެ. އެތައް ފަހަރަކު އެ އަޑު އޭނާ އަހާފައިވާތީއެވެ. އެހެންނަމަވެސް އެހާ ގާތުން އިވުމުން ކޮންމެވެސް ވަރެއްގެ ތަފާތުކަމެއް ހުއްޓެވެ. ރޭޝްމާ ބަލާލިއިރު އޭނާ އިނީ ރޭޝްމާއަށް ހިނިތުންވެލައިގެންނެވެ.

“އަހަންނަށް ކިޔަނީ ތަހުސީން…”

“އެނގޭ، ….ތީ ތަހުސީން އަބްދުއްސައްތާރެއްނު، ސްޓޯންހާޓްގެ ވެރިމީހާއެއްނު” ރޭޝްމާ ބުނެލިއެވެ. އޭނާއަށް ހީވީ ތަހުސީނު ބޭނުންވަނީ އޭނާއަކީ ކޮންފެންވަރެއްގެ މީހެއްކަން އަންގާލަން ކަމަށެވެ. އެ ސިފައަކީ ރޭޝްމާއަށް އެހާ ކަމުދާ ސިފައެއްނޫނެވެ. އޭނާ ދުއްގޮތުގައި ޚާއްޞަކޮށް ފިރިހެނުންގެ ގައިގާ ފޮނުކެނޑުމާއި ބޮޑާގޮތް ދެއްކުމުގެ ސިފަ ހުރުމަކީ ފިރިހެނުންގެ އަޙުލާގާ ނުބައްދަލުކަމެކެވެ. މުއްސަނދިވުމަކީ އަތުގައި ފައިސާ ގިނަވުންކަމުގައިވާނަމަ ރޭޝްމާއަކީ ވެސް ރާއްޖޭގައި ތިބި މުއްސަނދިންގެ ގިންތީތެރޭން ހިމެނޭނޭ ފަރާތެކެވެ. ނަމަވެސް އޭނާއަށް ބަލާލުމަކުން މީހެއްގެ ލޮލުގައި އެކަން އަޅައެއްނުގަންނާނެއެވެ. އެއަށްވުރެ ސީދާސާދާއެވެ.

“ޓީވީ ބަލާކަން އެނގިއްޖެ” ލުއި ހީނލުމަކާއެކު ރޭޝްމާގެ ވާހަކައަށް ތަހުސީނު ރައްދުދެމުން މަޑުމަޑުން ބޯ ވެސް ޖަހާލިއެވެ.  އާންމުކޮށް ހުންނައިރު ސީރިއަސް ގޮތެއްގައި މީހުންނަ ސިފަވާ ތަހުސީނުގެ ޠަބީޢަތް މުޅިން ބަދަލުވެފައިވެއެވެ. ސަމާސާކުރުމުގެ ރޫހެއްގައި އިން ކަހަލައެވެ. އިތުރަށް ރޭޝްމާ އެއްޗެއް ނުބުނުމުން ދެން ވެސް ވާހަކަދެއްކީ ތަހުސީނެވެ.

“އެކަނިކުރާ ދަތުރެއްތަ؟ ބައިވެރިއާ ކޮބާތޯ އަހާލެވިދާނެތަ؟” އަންހެނުންނާ ސާމާސާކޮށް އުޅޭތަން ނުފެންނަ ތަހުސީނަށް ވެފައި އިންގޮތެއް ނޭނގެއެވެ. އޭނާގެ ޢަމަލުތަކާއި ބަސްތަކުން ހީވަނީ ރޭޝްމާއަށް ޝައުގުވެރިވެފައި އިންހެނެވެ. ލަންކާ އާއި މާލެއާ ދޭތެރޭގައި ކުރެވުނު ދަތުރުތަކުގައި މި ނޫނީ ފްލައިޓުން ދީމާވި އަންހެނަކާ ތަހުސީނު މިފަދަ ގޮތަކަށް ވާހަކަދައްކާ ހަދާފައެއް ނެތެވެ. ޔަޤީނެވެ. ތަހުސީނުގެ ޠަބީޢަތް އެވަނީ އޭނާގެ ހިތުގެ އިހުސާސްތަކާ ގުޅިފައެވެ. ހިތަކީ އޭގެ ވެރިފަރާތަށް އަންގާލުމެއްނެތި ވެރިޔާގެ މޫނު ކިތަންމެ ގޮތަކަށް ބަދަލުކޮށްލުމުގެ ބާރު ލިބިފައިވާ އެއްޗެއްކެވެ. އަމިއްލަ އިޙުތިޔާރުތަކެއް ލިބިފައިވާ ފަރާތެކެވެ.

“މިވަގުތު މި އިނީ އެކަނި” ތަހުސީނުގެ މޫނަށް ބެލުމުގެ ޝައުގުވެރިކަމެއްނެތް ފަދަ ގޮތަކަށް ކުރިމައްޗަށް ބަލަން އިނދެ ރޭޝްމާ ބުނެލިއެވެ. އޭނާގެ އެފަދަ ހަރަކާތްތަކުން ތަހުސީނުގެ ތުންފަތުގައި ދުވެލާތަންފެންނަނީ މާނަފުން ލުއި ހިނިތުންވުންތަކެކެވެ.

“އޭގެ މާނައަކީ ބައިވެރިއެއް ހުރީއޭތޯ” ތަހުސީނުގެ ރާގު ވެސް ބަދަލުވެގެން ދިޔައެވެ. ކުއްލިއަކަށް ރޭޝްމާއަށް ވެސް ތަހުސީނަސް ބަލާލެވުނެވެ. ހަތަރުކަޅި ހަމަވުމާއެކު އެކަކުއަނެކަކުގެ ފަރާތުން ކަމެއް ދެނެގަންނަން ދެ މީހުންގެ ޟަމީރު ވެސް ތެޅިފޮޅިގަތް ކަހަލައެވެ.

“މީނާގެ ބޭނުމަކީ ކޮބާބާ؟ ޓީވީއިން ފެންނައިރާ މިހާރު ފެންނަ މީހާއާ ސިފައެއްގޮތް ނަމަވެސް ހީވަނީ މުޅި ތަފާތު މީހެއްހެން، އަންހެނަކު ފެނުމުން އޭނާއަށް ވާގޮތެއް ކަންނޭނގެ… އެކަހަލަ މީހެއްތަ މީ ވެސް” ރޭޝްމާގެ ހިތުގެ އަޑުކަމެއް ނޫނީ އެއީ އޭނާގެ ޟަމީރުގެ އަޑުކަމެއް ނޭނގެއެވެ. ޔަޤީނުން ވެސް އެހިނގި ބަހުސެއް ހިނގީ ވިސްނުމުގެ ތެރޭގައިމެއެވެ. ގާތުގައި އިން ތަހުސީނަށް ވެސް ހިލަމެއްނުވާހާ ސިއްރުންނެވެ.

ފްލައިޓުގައި ކުރެވުނު ދަތުރަކީ ރޭޝްމާއަށް ހައިރާންކަމެއް ލިބިގެންދިޔަ ދަތުރަކަށް ވެގެންދިޔައިރު ތަހުސީނަށް އެ ދަތުރުވީ ޝައުގުންފުރިގެންވީ ދަތުރަކަށެވެ. އެއްފްލައިޓެއްގައި ދެ މީހުން އައިއިރު ދެ މީހުންގެ މަންޒިލަކީ ވެސް އެއްމަންޒިލެކެވެ. މާލޭގެ އެއަރޕޯޓުގައި ބޯޑުޖެއްސިތާ ގިނައިރެއްނުވެ ފަސެންޖަރުންތައް ފައިބަންފެށިއެވެ. ރޭޝްމާއަށްވުރެ ކުރިން ތަހުސީނު ތެދުވި ނަމަވެސް އޭނާ އަދަބުވެރި ގޮތަކަށް ބޯއަރިކޮށްލުމާއެކު އަތުން އިޝާރާތްކޮށްލީ ރޭޝްމާ ކުރިން ހިނގައިގަތުމަށެވެ. އެ ހަރަކާތައް ޝައުގުވެރިކަމެއްނެތް ނަމަވެސް ރޭޝްމާއަށް ހިނިތުންވެލެވުނެވެ. އެއާއެކު ތަހުސީނުގެ ތުންފަތާއެކު އޭނާގެ ދެ ލޯ ވެސް ހިނިތުންވެލިއެވެ. އަނގައިގައި ހުރި ހުދު ދަތްތައް މިފަހަރު ފާޅުވެގެން ހިނގައްޖެއެވެ.

އަންނަ މީހުން ނިކުތުމަށް ޚާއްޞަކޮށްފައި ހުރި ދޮރުން މީހުންގަނޑު ނުކުންނަމުން ދިޔައިރު ތަހުސީނު ބެލީ ރޭޝްމާގެ ފަހަތުން އާދެވޭތޯއެވެ. އޭނާއާ ވާހަކަދެއްކުމަށް ރޭޝްމާ ޝައުގުވެރިނުވާކަން އެނގުމަކީ ހައްތާ ބޮޑަށް އެ އަންހެންމީހާއަށް ތަހުސީނުގެ ޝައުގުވެރިކަން އުފެދުނު އެއްސަބަބެވެ. ރީތިކަމުގެ ތެރެއިން ވެސް ރޭޝްމާގެ ތަފާތުގޮތެއް ހުރިކަމަށް ތަހުސީނުގެ ހިތް ބުނަނީއެވެ. ގިމަތައާ ކައިރިކޮށްލާފައި އޮތް ލޯންޗުން ފޭބި ޒުވާނާއަށް އަތުންކޮށްލި އިޝާރާތާއެކު ތަހުސީނު އައިސް އެރީ ހުޅުލެއާ މާލެއާ ދެމެދު އާންމުން ގޮވައިގެން ދަތުރުކުރާ ލޯންޗަށެވެ. އޭގައި ރޭޝްމާ ވެސް އިނެވެ. ކަންތައް ދިމާކުރި ގޮތުން މިފަހަރު ތަހުސީނަށް ރޭޝްމާގެ ގާތުގައި އިށީނދެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ތޫނު ނަޒަރުން ރޭޝްމާ އެއްކިބާއެއްނުވިއެވެ. އުމުރުން ސާޅީސްދެއަހަރު ވެފައި ހުރި އިރު ވެސް ތަހުސީނު ދައްކަނީ ޒޯރުހުރި ޒުވާންކަން ފުރިހަމަވެފައިވާ މީހަކުހެންނެވެ. ހަށިގަނޑުދެކެ ލޯބިވާކަން ބަލާބެލުމަށް ފެނެއެވެ. އޭގެ އިތުރުން ހެދުން އެޅުމުގެ އުކުޅުތަކުން ވެސް އޭނާ ޒުވާންކަމަށް ދައްކައެވެ. ލޮލުގައި އަޅާފައި އޮތް ޕޮލިސް އެވިއޭޓަރ އައިނު ތަހުސީނުގެ ހަތަރެސްކަން މޫނާ ނުހަނު ގުޅެއެވެ. ފުނާއަޅާފައި ހުރި ގޮތުން އޭނާގެ ތަނަވަސް ބޮޑު ނިތްކުރި ހާމަވެފައި އޮތެއްކަމަކު ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަމާއި ވަރުގަދަކަން އުނިވެފައިވާކަމަކަށް ނުދައްކައެވެ. ތުނިތުނިކޮށް ފަޅަން ފަށާފައި ހުރި ތުނބުޅިމަތިމަހުގެ ތެރެއިން ވެސް ކުޑަކޮށް ދެމިލާފައިވާ ދަތްދޮޅިއަކީ ތަހުސީނުގެ މޫނުގައިވާ ފިރިހެންވަންތަކަން އިތުރުކޮށްދޭ އެއްބައެވެ. މީހުންގަނޑުގެ ތެރެއިން އޭނާގެ ލޯ އަމާޒުވެފައި ހުރީ ކޮންފަރާތަކަށްކަމެއް އެކަކަށް ނޭނގުނަސް ރޭޝްމާއަށް އެކަން ފާހަގަވިއެވެ.

މާލޭ ތޮށިގަނޑާއި ޗޯންޗު ކައިރިކޮށްލުމާއެކު ތަހުސީނު ހަލުވިކޮށް ފައިބައިގެން އައިސް އޭނާއަށް ފިލަން މަސައްކަތްކުރީ ރޭޝްމާގެ ގާތުގައި މަޑުކޮށްލިއެވެ.

“ގެއަށް ގެންގޮސްދެންތަ؟” ޖެހިލުންވުމަކާއެކު ވެސް ތަހުސީނު އަހާލިއެވެ.

“އިޓްސް އޯކޭ… އަހަރެންގެ ގެ މިހިސާބާ އެހާ ދުރެއްނުވާނެ، ހިނގާލާފައި ވެސް ދެވޭނެ”

“އަހަރެން އުޅޭގޮތުން ހިތްހަމަނުޖެހުނީތަ؟ އެހެންވެދާނެ… ކުއްލިއަކަށް ފެންނައިރަށް މާ ގާތް މީހަކަށް ހެދެން އުޅުނީމާ ބައެއް މީހުންނަށް އުނދަގޫވާނެ، އަހަންނަށް ވެސް އުނދަގޫވޭ… އެކަމަކު ދެ މީހަކު ވާހަކަނުދައްކައެއް އެކުވެރިންނަށް ވެވިދާނެކަމަކަށް އަހަންނަށް ޤަބޫލެއް ނުކުރެވޭ، ފަހަރެއްގައި އަހަންނަށް މިދެއްކެނީ އެހާ ހަމަޖެހޭ ވާހަކައަކަށް ވެސް ނުވެދާނެ… އަދި ނަމެއް ވެސް ނޭނގޭ، ނުބައިގޮތަކަށް ހީނުކުރައްޗޭ… އަހަންނަކީ މިހެން ފެންނަހާ އަންހެނަކާ ވާހަކަދައްކާ އުޅޭ މީހެއްނޫން، އެކަމަކު މިފަހަރު މަށަށް ވެސް ނޭނގޭ ވެފައި ހުރި ގޮތެއް… ކޮންމެ މީހެއްގެ ގޮތް ވެސް އެނގޭނީ އެމީހަކާ ވާހަކަދައްކާލީމާ ނޫންތަ؟ ނޯންނާނެތަ ވާހަކަދައްކާލެވޭނޭ ގޮތެއް؟ މިއޮތީ… މިއޮތީ އަހަރެންގެ ކާޑު… މި ނަންބަރުން އަހަންނާ ގުޅޭނެ… ގެއަށް ގެންގޮސްދިނުމަށް ޤަބޫލުނުވި ނަމަވެސް އަހަރެން ބޭނުމެއްނޫން މީ އަހަރުމެން ދިމާވާނެ އެންމެ ފަހު ފަހަރަށްވާކަށް…”

ތަހުސީނު ވާހަކައިގައި ހުރެ އޭނާގެ ވިޔަފާރިކަޑު ވޮލެޓުން ނަގާ އޭގެ ފަހަތުގައި މޯބައިލް ނަންބަރެއް ލިޔެލާފައި ދެއަތުން ރޭޝްމާއަށް ދިއްކޮށްލިއެވެ. އޭނާއަށް އިރުކޮޅަކު ބަލަން ހުރެފައި ރޭޝްމާ އެ ކާޑުގައި ހިފިއެވެ. ތަހުސީނުގެ ވާހަކަދެއްކީ ވަރަށް މިނިވަންކަމާއެކުގައި ކަމަށް ވިޔަސް އޭނާގެ އަބުއިގޮތެއް ހުރިކަން ރޭޝްމާއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް ތަހުސީނު ކަހަލަ އެންމެން ދަންނަ މީހަކާ އެހާ އަވަހަށް ގުޅުމެއް އުފެއްދުމަކީ ބުއްދިވެރިކަމެއް ކަމުގައި ރޭޝްމާ ނުދެކުނެވެ.

“އެއްވެސް އިރަކު އަހަންނަކީ ކާކުކަން އެނގިފައިވޭތަ؟ ނޫނީ މީގެ ކުރިން އަހަރެން ފެނުނީތަ؟” ކޮންމެވެސް ކަމެއް ޔަޤީންކޮށްލާ ފަދަ ގޮތަކަށް ރޭޝްމާ އަހާލިއެވެ.

“ފްލައިޓުން ފެނުނީ، ތީކާކުކަން ބުނެދޭނޭ މީހަކު ހުރިނަމަ މިހެން ކައިރިއަށް އައިސް ވާހަކަދެއްކުމުގެ ބަދަލުގައި އެމީހަކުގެ ގާތުން ހުރިހާ ކަމެއް އޮޅުން ފިލުވާނީ…” ތަހުސީނު ހީނލިއަޑުއިވުނެވެ.

“ދެން ދަނީ…” ރޭޝްމާ ވެސް ހިނިތުންވެލާފައި އޭނާގެ މެދުސައިޒުގެ ފޮށި ދަމަމުން ހިނގައިގަތެވެ.

“ގުޅާނަން ދޯ” ތަހުސީނު ބުނެލިއެވެ. އެހެންނަމަވެސް ރޭޝްމާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.

އިރުކޮޅަކު ރޭޝްމާ ހިނގަމުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ރަކިގޮތަކަށް ހިނިތުންވެލަމުން އިސްޖަހާލިއެވެ. ދެފަރާތަށް އަވަސްނަޒަރެއް ދެމުން ހިނިތުންވުން ސިއްރުކޮށްލާފައި ލޮލުގައިވާ އައިނު ރަނގަޅުކޮށްލަމުން ދުވާރާ ކައިރީގައި ޕާކުކޮށްފައި އޮތް ކާރަށް އެރިއެވެ. އަތުގައި އޮތް ދަބަސް ފަހަތު ސީޓުގެ އެއްފަރާތުގައި ބަހައްޓަމުން ތަހުސީނު ހަމަޖެހިލިއެވެ.

ރަނާއި ރިހީގެ ވައްތަރުތަކާއި ތަފާތު ކުލައަރާ ހިލަތަކާއި ޖަވާހިރުތަކުގެ ގަހަނާ ވިއްކާ އެންމެ ބޮޑު ފިހާރައަކީ މާލޭގައި ހުރި “ސްޓޯންހާޓް”އެވެ. އެ ވިޔަފާރިއަކީ ތަހުސީނުގެ އަމިއްލަ ވިޔަފާރިއެކެވެ. މުނިމާމަމެން، މުނިކާފަމެން އިރުން ފެށިގެން ވެސް ގޭގައި ވިޔަފާރި ނުކުރާ ހަނދާނެއް ތަހުސީނު ނުހުރެއެވެ. އަބަދުވެސް ގޭގައި ވިޔަފާރިގެއެއް ހުރެއެވެ. ގޯއްޗަކީ މާލޭގައި އެމީހަކު އަމިއްލައަށް ބޭނުންހިސާބަކުން ބިންހިއްކައިގެން ގޯތި ނެގި ޒަމާނުގައި ލިބިފައިވާ ގޯއްޗެކެވެ. މާލޭގެ ބޮޑުންގެ ތެރޭގައި އިހުއްސުރެން ހިމެނިފައިވާ ޢާއިލާއެކެވެ. އެއްވަރުގެ ދެ ގޯތި ލިބިފައި އޮވެއެވެ. ތަހުސީނުގެ މައިންބައިންގެ ފަރާތުގައި އޮތް ގޯތީގެ އިތުރުން މާމަ އާއި ކާފަ ފަރާތުގައި ވެސް ގޯތި އޮވެއެވެ. މާލެއަށް ގަދަ ޢާއިލާއެކެވެ. ތަހުސީނުގެ ބައްޕަ އަބްދުއްސައްތާރަކީ ސަރުކާރުގެ މަތީ މަޤާމެއް ފުރުއްވާ މިހާރު މުސްކުޅިކުރައްވާފައި ހުރި ފަރާތެކެވެ. ވިޔަފާރިއަކީ އޭގެ އިތުރުން ޢާއިލާގެ ތެރޭގައި ކުރެވޭ މަސައްކަތެވެ.

އަބްދުއްސައްތާރާއި ޒާހިރާގެ ކައިވެންޏަށް ލިބުނު ކުދިންގެ ތެރެއިން ދުނިޔޭގައި ތިބީ ދޮށީދަރިފުޅު ޠާރިޤު އާއި އޭނާއަށްވުރެ ހަތަރު އަހަރު ހަގު ތަހުސީނެވެ. ދެބެންގެ ޚިޔާލުތަފާތުވުންތަކާއެކު ޢާއިލާގެ ވިޔަފާރީގެ ތެރެއިން ތަހުސީނު ވަކިވެ އަމިއްލަ ވިޔަފާރިއަކާއިގެން ކުރިއަށްދާން ގަސްދުކުރީއެވެ. ޢާއިލާއަށް ލިބިފައިވާ ނަމާއެކު ވިޔަފާރީގެ ނުފޫޒުގެ ސަބަބުން މީޑިއާގައި ވެސް ޠާރިޤު އައި ތަހުސީނަކީ އާންމު މޫނުތަކަކަށްވަނީ ވެފައެވެ. އަނތްބަކާއި ތިންކުދިންގެ ބައްޕައަކަށް ޠާރިޤުވީއިރު ވެސް އަދިވެސް ތަހުސީނު ހުންނަނީ ހުސްހަށިބައިކޮށެވެ. ހަޔާތަށް އަންހެނަކުން ގެނައުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅޭ ކަހަލައެވެ. އެކަނިހުރެ ނިމިގެން ދިއުމަކީ އަބްދުއްސައްތާރާއި ޒާހިރާ އެދޭގޮތެއް ނޫނެވެ. އެހެންވެ ޢާއިލާގެ ރައްޓެހިންގެ ތެރެއިންނާއި ތިމާގެ މީހުންގެ ކުދިންގެ ތެރެއިން ތަހުސީނަށް ބައިވެރިއަކު ހޯދައިދޭން އެމީހުން ލައްކަ މަސައްކަތްކުރިއެވެ. ކޮންމެ ފަހަރަކު އެކަން ހުއްޓާލަން ޖެހެނީ ތަހުސީނު ނުޤަބޫލުވެގެންނެވެ.

“އަޅުގަނޑު ނުބުނަންތޯ ދެން ކައިވެންޏެއް ނުކުރާނަމޭ…” އަބަދުމެ އަބްދުއްސައްތާރާއި ޒާހިރާއަށް ތަހުސީނުގެ ފަރާތުން އިވޭ އަޑަކީ އެއީއެވެ. އެއީކީ އަންހެނުންނަށް ތަހުސީނު ޝައުގުވެރިނުވާތީ ބުނާ ބުނާބުނުމެއްކަން ވަރަށް ރަނގަޅަށް އޭނާގެ މައިންބަފައިންނަށް އެނގެއެވެ. އެގޮތަށް ތަހުސީނު ބުނަންފެށީ ވެސް ކީއްވެކަން އެންމެ ރަނގަޅަށް އެނގޭ ބަޔަކީ އަބްދުއްސައްތާރާއި ޒާހިރާއެވެ. އެ ދެމަފަރިންގެ އޮތް ހަމައެކަނި ހިތާމައަކީ އެއީއެވެ. ހަގުދަރިފުޅަށް ދިރިއުޅުމެއް ނުލިބިގެން އުޅެނިކޮށް އެމީހުން މިދުނިޔެ ދޫކޮށްދާން ޖެހިދާނެތީއެވެ. އޭރުން އެ ދަރިފުޅުގެ ހަޔާތް އަލިކޮށްދޭން މިހާރު މަސައްކަތްކުރާ ވަރަށް ވެސް ކަމެއްކޮށްލާނޭ މީހަކު ނުހުންނާނޭކަން އެނގޭތީއެވެ.

ފިޔަލަގޭގެ ހިމަ ދަގަނޑުގޭޓު ކައިރީ ހުރި ސެކިއުރިޓީ ޔުނީފޯމްލީ މީހާ އެއްފަރާތުގައި ހުރި ބޯޑަކަށް ފިތާލާފައި ތަހުސީނު ވަނުމަށް ގޭޓު ހުޅުވިއެވެ. އެއާއެކު އަނގައިން ވެސް ބުނުމެއްނެތި ހިމަގޯޅިގަނޑުން ވަދެގެން އައިސް ކުރިމަތީން ފެންނަހުރި ބިއްލޫރި ދޮރުފަތް ކަހާލާފައި އެތެރެއަށް ވަނެވެ. ގޭގެ ތަނަވަސް ސިޓުން ރޫމުގައި މީހަކު ފެންނާކަށް ނެތެވެ. އެއީ އޭނާގެ މައިންބަފައިން އުޅޭ ބައެވެ. އެމީހުންގެ ހިލަމެއް ނުވުމުން ބޭރަށް ނިކުމެ ދޮރާޖެހިގެން ހުރި ލިފްޓަށް އެރިއެވެ.

ތަހުސީނަށް ޚާއްޞާކުރެވިފައި ހުރި އެޕާޓްމެންޓަށް ވަދެވުމާއެކު ދޮރު ލައްޕާ ތަޅުލިއެވެ. އޭނާގެ ކޮޓަރިއަށް އައިސްވަނީ ދެނެވެ. ބޮޑުކޮޓަރީގައި ތަފާތު ފަރުނީޗަރުތައް ހުއްޓެއްކަމަކު އެކޮޓަރީގައި ހުސްތަން އޮތެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް އެއްފަރާތުގައި ލެޕްޓޮޕާއި ފައިލުތަކެއް ބަހައްޓާފައި ހުރި މޭޒުގެ މަތީ، ފާރުގައި ލައްގާލާފައި ބެހެއްޓިއެވެ. އަދި ލޮލުގައި އަޅާފައިވާ އައިނު ނަގާ ރީތިވާ މޭޒުމަތީ ބާއްވާލާފައި ލައިގެން ހުރި ގަމީހުގެ އަތްކުރި ނިއުޅަން ފެށިއެވެ. ގިނައިރެއް ނުވެ އޭނާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ތައްޔާރުވެލާފައި މީހަކަށް ގުޅިއެވެ.

“އަހަރެން މިހާރު މިހިރީ މާލޭގައި، ހަވީރު ތިކޮޅަށް ދާނަން، އެކޮޅުގެ މީޓިން ދިޔައީ ވަރަށް ރަނގަޅަށް، ރަޖަތު ހުރީ ވަރަށް ހިތްހަމަޖެހިފައި…. ހަވީރު ގޮސްފައި ތަފްސީލު ދޭނަން”

ފޯނުކޯލު ނިންމާލުމާއެކު ތަހުސީނު އެނދުގައި އިށީނެވެ. އޭނާގެ ނަޒަރު އަރިމަތީ ކަބަޑުގެ މަތީ ބާއްވާލާފައި އޮތް ވޮލެޓަށް ހުއްޓުނެވެ. ބަލަންއިން ގޮތުން އޭނާގެ ސިކުނޑީގައި އަދިވެސް ވަނީ ރޭޝްމާގެ ޚިޔާލުކަން އެނގޭހާވެއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ބޯދަށަށް ދެއަތްލައްވާލައިގެން އެނދުގައި އުއްޑުން އޮށޯވެލިއެވެ.

“ތަފާތު ރީތިކަމެއް… ހަމަ އެކަހަލަ ދޮންކަމެއް… ފަރިޔާލް…” އެއްދިމާއަކަށް ގެއްލިފައި އޮވެ ޚިޔާލުގެ ބާނިތަކުގެތެރެއަށް ތަހުސީނު ފީނައިގަތެވެ. އެއާއެކު ފޮނިކަމަކާއި ހިތިކަމެއް އެކުލެވިގެން ދިޔަ ގަދަ އޮއެވަރެއް ހިތުގައި ހިނގައިގަތެވެ.

* * * *

ދުވަސްވަރަކީ މާލޭގައި ރޭގަނޑު ޓިއުޝަންދޭ ކުލާސްތައް އާންމުވަމުން އައި ދުވަސްވަރެވެ. ރާއްޖެތެރޭން މާލެއަށް ކިޔަވަން އަންނަ ކުދިން ނުތިބޭ ގެއެއް މަދެވެ. ކިރިޔާ ވެސް ފޯރާ ޢާއިލާއަކުން ނަމަ އެބައެއްގެ ކުދިން ތަޢުލީމު ހާޞިލުކުރުމަށް މާލެއަށް ފޮނުވަމުން ދިޔައެވެ. އެގޮތުން ތަހުސީނު މެންގޭގައި ވެސް ތިނަދޫ ކުއްޖަކު ހުއްޓެވެ. އޭރު އަދި ގޭގެ އިމާރާތައް މާބޮޑު ތަރައްޤީއެއް އައިސްފައި ނެތްނަމަވެސް ކޮންމެ ކުއްޖަކަށް ކޮޓަރިއަކާއި ގެއަށް އަންނަ މެހެމާނުންތިބޭނޭ ދެ ކޮޓަރިއެއް ހުރެއެވެ. އުމުރުން ތޭރަ އަހަރުގައި ކިޔަވަން މާލެ އައި ޒުބައިރު ހުންނަނީ އެތަނުން އެއްކޮޓަރީގައެވެ. އަމިއްލަ ސުކޫލަކުން ޖާގަ ލިބުނެއް ކަމަކު ތަހުސީނާ ދެ ކުދިން ކިޔަވަން ދާން ޖެހެނީ އެއްގަޑިއެއްގައެވެ. އެއްފުރައެއްގެ ދެ ކުދިންކަމުން އެކުވެރިކަން ބަދަހިވާކަށް ގިނަ ދުވަހެއް ނުނެގިއެވެ. ބޭރުގައި އުޅުމަކީ އަބްދުއްސައްތާރު އެހާ ގަޔާވާކަމެއް ނޫނެވެ. ގޭގެ އުސޫލުތައް މުގުރާލަން ޒުބައިރު ފަސްޖެހުނެއްކަމަކު ތަހުސީނުގެ އެކަހަލަ ޚިޔާލެއް ނުހުރެއެވެ. ރައްޓެހިކުދިންނާއެކު ބޯޅަކުޅެން ދިއުމާ މޫދަށް އެރުމާ މިހެންގޮސް ކޮންމެ ކަމެއް ކުރަން ދިޔަޔަސް ތަހުސީނު ދަނީ ޒުބައިރު ގޮވައިގެންނެވެ. ގެއަށް އަންނައިރަށް ޒާހިރާ، އަބްދުއްސައްތާރު ގާތު ޝަކުވާ ކުރާނެއެވެ. އެއާއެކު ތަހުސީނާއިއެކު ޒުބައިރަށް ވެސް އަދަބު ލިބެއެވެ. އެމީހުންނަށް ވެސް މަޑުމަޑުން ހުންނަ ޒުބައިރު ލައްވާ ކަންކަން ކުރުވަނީ ތަހުސީނުކަން އެނގޭތީވެ ވަކި ބޮޑު އަދަބެއް ޒުބައިރަށް ދީ ކަންކަން މަނާކުރަން ފަސޭހައެއްނުވެއެވެ. ފުރާވަރުން ވީއްލި އުމުރުން ވިހިއަހަރު ފުރުނުއިރު ވެސް ޒުބައިރު ހުރީ ތަހުސީންމެން ގޭގައެވެ. އަބްދުއްސައްތާރުގެ ވެސް އެދުމާއެކުއެވެ. އޭރު އަބްދުއްސައްތާރުގެ ފިހާރައިގެ ކަންތައްތައް އޭނާގެ ދަށުން ބަލަން ހުންނަ މީހަކަށް ޒުބައިރު ހެދިއެވެ. ޒުބައިރުގެ ހުރި ހަރުދަނާކަން އަބްދުއްސައްތާރަށް ނިކަން ކަމުދިޔައީއެވެ. އޭރު ވެސް ތަހުސީނު ބޮޑުވީހެނެއް ހިޔެއްނުވެއެވެ. ގިނަ ވަގުތު ގެއިން ބޭރުގައި ރައްޓެހިންނާއެކު ހޭދަކުރެއެވެ.

ޓިއުޝަން ކިލާސްތައް ދޮރުމަތީގައި ތިބުމާއެކު ކަންކަންމަތީ ރީތި އަންހެންކުދިން ބަލަންތިބޭ ބައިގަނޑުގެ ތެރޭގައި ތަހުސީނު ހުރެއެވެ. ޚާއްޞަކޮށް ރޭގަނޑަށް ކޮންމެހެން ވެސް ޒުބައިރު ގޮވައިގެން ވަކި ޚާއްޞަ ކިލާހެއްގެ ދޮރުމައްޗަށް ތަހުސީނު ދެއެވެ. ތަހުސީނުގެ ހުރިހާ ސިއްރެއް އެނގޭ އެންމެ ގާތް އެކުވެރިޔާއަކީ އޭރު ޒުބައިރެވެ.

“ޒުއްބާ… ބަލާބަލަ! އެހެރަ ނުކުތީ… އަޅެ ރީއްޗެއްނޫންތަ؟ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައްޗޭ، އެހެންނޫނީ ކޮންމެފަދަ ކަމެއް ވެސް ކުރެވިދާނެ…” ތަހުސީނުގެ ވާހަކަތަކުން ޒުބައިރު ހީނގަތެވެ.

“ތަހުސީނު ތިހެން އުޅޭކަން ބައްޕައަށް އެނގިލައްވައިފިއްޔާ ވާނޭ ގޮތަކާމެދު ވިސްނާލިންތަ؟ މިއަދު ވެސް ފިހާރާގައި އިންނަވާފައި އެއްސެވި ތަހުސީނު އުޅޭނޫޅޭ ގޮތް ޒުބައިރު ބަލައިލަންހޭ، މަ ބުނާނީ ކީކޭ، ތަހުސީނުގެ ތިއުޅުމުގެ ވާހަކަ ބުނެފިއްޔާ ސައްތާރުބެ އަންނަ ރުޅީގެ ހޫނުކަން އަހަންނަށް ނުކޮށެއް ނުދާނެ”

“ޒުއްބަ ހާސްނުވެބަލަ، އަހަރެން ކައިރީ އަހާއިރަށް ކޮންމެވެސް އެއްޗެކޭ ކިޔާ ހަމަޖައްސާލާނަން، ބަލަ އަހަރުމެންގެ ދުވަހެއްނުމީ… މި ހަށިގަނޑުގައި ހިނގަނީ ޒުވާން ލެޔޭ… ކިހިނެއްތަ ބައްޕަ ބުންޏަސް ބަސްއަހައިގެން ގޭގައި ހުންނާނީ، ދަތްހުއްޓާ ކާށިކެވޭނީ… ބައްޕަގެ ދުވަހުގައި ބައްޕަ ވެސް އުޅޭނީ މިހެން” ތަހުސީނު މިހެން ބުނުމާއެކު ޒުބައިރުގެ އަތަށް ދަމާލަމުން ޓިއުޝަން ކިލާހުން ނުކުތް ދެ އަންހެންކުދިންގެ ފަހަތުން ހިނގައިގަތެވެ.

“ބުނަން ޒުއްބާ، މިކަން ކޮށްފައި ނޫނީ ދެން ހުއްޓައެއް ނުލެވޭނެ، މައްސަލައަކީ އެ މަންޖެ އުޅޭ ގެއަށް ވަދެވޭކަށް ނެތޭ”

“އެޔޯ…” ޒުބައިރު ހައިރާންވެ އަހާލިއެވެ.

“އެއީ ބައްޕަގެ ރައްޓެހި ރުޝްދީމެންގެ… ޢާއިލާ ރައްޓެހިކަމުގައޭ ކިޔާފައި ވަންނާނީ ވެސް އެގޭގައި މަށާ އެއްވަރުގެ ކުއްޖަކު އުޅޭނަމަތާ، އޭނާގެ ހުރި ހަމައެކަނި ދަރި ބޭރަށް ކިޔަވަން ފޮނުވައިގެން މިހާރު އެ މުސްކުޅި ދެމަފިރިން އެކަނި އެގޭގައި އުޅެނީ، ވަންނަން ފަށައިފިއްޔާ ބައްޕައާ ހަމައަށް ޚަބަރުދާނެ ފޮނުވާލާ ބާރު އުންޑައެއްހެން”

“އެހެންވީރު އެގޭގައި ކިޔަވަން ހުންނަ ކުއްޖެއް ދޯ އެއީ”

“އާން! ދެތިން ދުވަހަކު ގޮވާ ވެސް ލައިފިން، އެކަމަކު އަނގައިންނެއް ނުބުންޏޭ، މަދޭ ސިޓީއެއް ނިކަން އެކުއްޖާއާ ހަވާލުކޮށްދީބަލަ”

“ތަހުސީނު، އަންހެންކުދިންގެ ހިތަކީ ވަރަށް ނާޒުކުއެއްޗެއް، އެހިތް ކުދިކުދިވެދާނޭ ފަދަ ކަމެއް ކުރުމީ އަންހެނަކަށް އަނިޔާކުރުން ކަހަލަ ކަމެއް، އަހަރެން އެއްވެސް އިރަކު ތާއިދުކުރާ ކަމެއްނޫން އެއީ… ދިރިއުޅުމެއް ފަށަން ތައްޔާރުވެގެން ނޫނީ ބައިވެރިއަކު ހޯދަން ފަށާކަށް ނުވާނެ….”

“ދިގު ތަޤުރީރެއް އިއްވާށެކޭ ނޫނޭ މަ މިބުނީ، އެ މަންޖެއަށް ކިޔަނީ ފަރިޔާލު، އޭނާގެ ގާތުގައި އެ ހުރީ އައިސްތު… މަ ދޭ ސިޓީ ޒުބައިރު ގެންގޮސް އައިސްތުއާ ހަވާލުކުރީމާ އޭނާ ފަރިޔާލަށް އެ ރައްދުކޮށްދޭނެ، އަހަރެން ހިތް ފަރިޔާލު ނޫން ފަރާތެއް ބޭނުމެއްނޫން… ހަމަ ތެދެއް މިބުނީ، އަހަންނަށް ފަރިޔާލު ލިބިއްޖެއްޔާ ދުނިޔޭގެ ހުރިހާ އުފަލެއް ހާޞިލުވި ފަދަ”

ތަހުސީނާއެކު އޭނާގެ ވާހަކަތައް އަޑުއަހަމުން އައި ޒުބައިރު ސިޓީ  ހަވާލުކޮށްދިނުމަށް އެއްބަސްވިއެވެ. އަދި ދެ މީހުން ވެގެން ފަރިޔާލު އާއި އައިސްތުގެ ފަސްފަހަތުން އައިސް ފަރިޔާލު ހުންނަ ގެ ފެންނަ ހިސާބުގައި އެމީހުން މަޑުކޮށްލިއެވެ. ފަރިޔާލާއި އައިސްތު ވަކިވުމުގެ ކުރިން ތަހުސީނުގެ ފަޓުލޫނު ޖީބުން ނެގި ހިމަދިގު ސިޓީއުރަ ޒުބައިރުގެ އަތަށް ދީފައި އޭނާގެ ކޮނޑުގައި އަތްއަޅާ މަޑުމަޑުން ކޮށްޕާލިއެވެ. އެއާއެކު ދެބުމަ ހިއްލާލާފައި ދެފަރާތަށް ބޯހޫރާލަމުން ޒުބައިރު ހިނގައިގަތެވެ.

“އެހެމް! އެހެމް!… އައްސަލާމް ޢަލައިކުމް… ރައްދުކުރަންޖެހޭ ސިޓީއެއް ހަވާލުކޮށްލަން” ޒުބައިރު ސިޓީއުރަ ދިއްކޮށްލީ އައިސްތުއަށެވެ. ހަމައެހިނދު ރަކި ހީނލުމަކުން ހީނލާފައި އައިސްތު ބަލާލީ ފަރިޔާލަށެވެ. އެއަށްފަހު ޒުބައިރަށެވެ.

“އަހަންނަށް އޮތް ސިޓީއެއްތަ؟” އައިސްތު އަހާލިއެވެ.

“ތި ދެކުދިން ވެސް ނުލާހިކު ރީތި، އެހެންވީމަ ކޮންމެ ކުއްޖަކު މިސިޓީގައި ހިފިނަމަވެސް މީގެ ވެރިފަރާތަށް ރައްދުކޮށްދޭނެކަން އެނގޭ… ދެން ތިހެން ނުތިބެ ހިފަންވީނު…” ލާނެތް ރާގެއްގައި ޒުބައިރު ބުނެލިއެވެ. އެއާއެކު އެ ސިޓީއުރައިގައި އައިސްތު ހިފައިފިއެވެ. އަނެއްކާ ވެސް ތުއިގޮތަކަށް ހީނލިއަޑުއިވުނެވެ. މިފަހަރު ދެ އަންހެންކުދިން އެކީގައެވެ.

“ސިޓީއެއް ހަވާލުކުރަން ފޮނުވީމާ ހާދައިރެއްކޮށްފައި ތިއައީ، އެމީހުން ހާދަ ވަރަކަށް އެ ހެނީ، ކީކޭ ކިޔާފައި ތި އައީ” ދުރުގައި ބަލަން ހުރި ތަހުސީނުގެ ގާތަށް ޒުބައިރު އައިސް މަޑުކޮށްލުމުން ބުނެލިއެވެ.

ފަރިޔާލު ގެއަށް ވަނުމާއެކު ތަހުސީނާއި ޒުބައިރު ވެސް ހިނގައިގަތީ ގެއަށް ދިއުމަށެވެ. އޭރު ވެސް ތަހުސީނުގެ ދުލުން ނުކުންނަ ކޮންމެ ވާހަކައަކާ ފަރިޔާލުގެ ނަންގުޅިދެއެވެ.

“ކީކޭތަ އެ ސިޓީގައި އޮތީ” ގޭތެރެއަށް ވަދެގެން ދަމުން ޒުބައިރު އަހާލިއެވެ.

“ރައްޓެހިވާން އަހާފައި އޮންނާނި، ވަރަށް ލޯބިވާ ވާހަކަ ބުނެފައި” މިހެން ބުނެ ބޮލުގެ ފުއްކިބައިގައި ތަހުސީނު އަތް ހާކާލިއެވެ. އަދި ދެމީހުން ވަކިވެ ކޮންމެ މީހަކު އެމީހެއްގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ދެތިން ދުވަހެއްގެ ތެރޭގައި ފަރިޔާލުގެ ހިތް ތަހުސީނާ މެދު އޮތް ގޮތް އެނގުނެވެ. ތަހުސީނަށް އޭނާގެ ލޯބި ކާމިޔާބު ކުރެވުނީތީ އެކަމާ ޒުބައިރު ވެސް ހުރީ އުފަލުންނެވެ. އެހެންނަމަވެސް އޭނާ ތަހުސީނަށް ވިސްނައިދީ ހަނދާންކޮށްދެމުން ދިޔައެވެ. މާލޭގައި ތަހުސީނުގެ ޢާއިލާގެ އިއްޒަތާއި ޤަދަރު އުފުލިފައި އޮތް މިންވަރުގެ މަތީންނެވެ. ފަރިޔާލަކީ ވަރަށް ވެސް އާދައިގެ އަންހެންކުއްޖެކެވެ. ރާއްޖެތެރެއަށް އުފަން ރަށްފުށުގެ ކުއްޖެކެވެ. ހަޤީޤަތަކީ ތަހުސީނާއި އަޅާ ބަލާއިރު ފަރިޔާލަކީ އޭނާއާ ގުޅެން އެކަށީގެންވާ ބައިވެރިއެއް ނޫނެވެ. އަބްދުއްސައްތާރުގެ ގޮތް ޒުބައިރަށް އެނގެއެވެ. އޭނާ އެގޭގައި ބަހައްޓާފައި ހުންނަނީ ފިރިހެނަކަށްވީމައެވެ. އޭނާގެ ފިރިހެންދަރިންގެ މައްޗަށް ފިރިހެނެއްގެ ހިޔަނި ނޭޅޭނޭކަން ދެނަހުރެއެވެ. ގޭގޭގައި ކިޔަވަން ގެނެސް ބަހައްޓާފައި ތިބޭ އަންހެންކުދިން އުޅޭ ވިޔާނުދާ ގޮތުގެ ވާހަކައަކީ އަބްދުއްސައްތާރު ކައިރީ އޭނާގެ އަނބި ޒާހިރާ އަބަދުމެ ދައްކާ ވާހަކައެކެވެ. މާލެ އައިސް މާލޭގެ ގެދޮރު ހުރި މީހުންނާ ގުޅި ތަނަވަސްކަން ހޯދަން އެ ފަދަ އަންހެންކުދިން ކޮންމެ ފަދަ ހައްދެއް ވެސް ފަހަނައަޅައި ހިނގައިދާނޭ ކަމުގައި ޒާހިރާ ޤަބޫލުކުރެއެވެ.

އަބްދުއްސައްތާރާއި ޒާހިރާގެ އަޑުތަކަށް ޢާއިލާގެ ހުރިހާ މެންބަރުން ހޭނިފައި ވީ ނަމަވެސް އެކަމާ މެދު ވިސްނަނީ ޒުބައިރު އެކަނި ކަހަލައެވެ. ތަހުސީނަށް އެކަންކަން ހަނދާންކޮށްދިނުމުގައި އުޅެނީ އޭނާ އެކަންޏެވެ. އެހެންނަމަވެސް ތަހުސީނަށް އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތެވެ. ރޭ ވެއްޖެނަމަ އޭނާއަށް އަވަސްވެގަނެވެނީ ފަރިޔާލުގެ ކިލާސް ނިމޭއިރަށް އޭނާ ބަލާ ދިއުމަށެވެ. އެ ދާ ގޮތަށް ދެމީހުން އެކުގައި އެތައް އިރަކު ވާހަކައިގައި ތިބެވެއެވެ.

“ކުލާސްކުދިން ދަތުރުދާންވެގެން އުޅެނީ، އަހަރެން ވެސް ދާނަމޭ ބުނެފިން….” ތޮށިގަނޑުމަތީގައީ ތަހުސީނުގެ އުނގުތެރެއަށް ވަދެ އިން ފަރިޔާލު ބުނެލިއެވެ. އޭރު އޭނާގެ ފޮތްބައި އެއްފަރާތުގައި ބަހައްޓާލާފައި ހުއްޓެވެ. ތަހުސީނު އިނީ އެއްވަރަކަށް ފަރިޔާލުގެ ރީތި އިސްތަށިގަނޑާ އެއްއަތުން ކުޅެލަކުޅެލައެވެ.

“އަހަރެން ނުގެންދާނަންތަ؟ މިހާރު ނުވޭ އެންމެ ސުކުންތެއް ވެސް ފަރީއާ ދުރުގައި ހުންނަ ހިތެއް” ތަހުސީނުގެ ގަޔާ ފަރިޔާލު އިހުނަށްވުރެ ގާތްކޮށްލިއެވެ.

“ތަހުސީނު ދާން ހުރިއްޔާ ގެންގޮސްދާނަން، މި ދަތުރަކީ ކުލާސްކުދިން އަމިއްލައަށް ރާވައިގެން ދާ ދަތުރެއް، އެހެންވެ އެއްވެސް ޓީޗަރަކު ބައިވެރިއެއްނުވާނެ، އެމީހަކު ބޭނުން މީހަކު ގޮވައިގެން ދަތުރު ދެވޭގޮތަށް އޮތީ”

“ނާހަމަތެދެއްތަ، އަހަރެން ތައްޔާރު… ފަރީއާއެކު ދެވޭ ފުރަތަމަ ދަތުރަށް މި ދަތުރުވާނެ… ކިހާވަރެއް ކޮންމެ ކުއްޖަކުއަތުން ނަގަނީ، އަހަންނަށް އެނގޭ ތިޔަކަހަލަ ދަތުރުތަކަކީ ޗަންދާ ނަގައިގެން ނޫނީ ހަމަނުޖެއްސޭނޭ ދަތުރުކަން، މިފަހަރު ފަރީގެ މަތީންނާއި އަހަރެންގެ މަތީން ދަތުރުގެ ޗަންދާ ދައްކާނީ އަހަރެން އިނގޭ” ލިބުނު އުފަލެއްގެ ބޮޑުކަމުން ތަހުސީނުގެ އަޑުގައި ޖޯޝުއެކުލެވިގެންދިޔައެވެ. އެކަމާ ފަރިޔާލު ވެސް ބޯހަލުވާލަމުން އެއްބަސްވިއެވެ.

“ދެން ތަހުސީނު… ތިޔަކަހަލަ ކަންތައް ނުކޮށްބަލަ” ފަރިޔާލުގެ މޫނުގައި ތަހުސީނު ބޮސްދޭންފެށުމުން އޭނާއަށް ދުރަށް މޫނު އަނބުރާލަމުން ފަރިޔާލު ބުނެލިއެވެ.

“މިވެސް ލޯބީގެ ބައެކޭ… ފަރީއަށް ހާދަ ނުކެރެއޭ ދޯ، ތިހާ ލަދުން ކިހިނެއް ލޯބިވެގެން އުޅޭނީ” ފަރިޔާލުގެ ދަތްދޮޅީގައި ހިފާ ތަހުސީނާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

“މިހެން އުޅެނިކޮށް ކަމެއްވެދާނެ… މިތާ ކައިރީ މީހުން ވެސް އުޅެދާނެ، އެމީހުން ބަލާނެ” ލަދުވެތިކަމާއެކު ފަރިޔާލު ބުނެލިއެވެ. އެހެންނަމަވެސް ތަހުސީނުގެ ބީހުންތައް މަނާކުރުން ފަސޭހަކަމަކަށް ނުވިއެވެ. ފުރިހަމަ އަންހެނަކަށްވީތީ ފަރިޔާލަށް ވެސް އޭނާގެ ހިތް ފޫދުއްވާލާ ހަށިގަނޑުގައި ތުރުތުރެއް އުފެދި ލޯލިތައް ކޮޅަށް ޖެހިގެންދާ ފަދަ އެތައް އެތައް އިހުސާސެއް ކުރެވެމުންދިޔައެވެ. ގިނަ އިހުސާސްތަކަކީ މީގެކުރިން ތަޖުރިބާ ކުރެވިފައިވާ އިހުސާސްތަކެއް ނޫނެވެ. ތަހުސީން ހުއްޓުވުމުގެ ބަދަލުގައި ފަރިޔާލުގެ ހަރަކާތްތައް މަޑުމަޑުން ބަދަލުވީ ތަހުސީނަށް މަރުޚަބާ ކިޔާ ފަދައިންނެވެ.

އެރޭގެ ބައްދަލުވުން ނިމިގެން ދިއުމާއެކު ތަހުސީނު ތައްޔާރުވީ ފަރިޔާލާއެކު ދެވެން އުޅޭ ދަތުރަށެވެ. އެ ދަތުރުވީ ފަރިޔާލާއި ތަހުސީނުގެ ދެމެދުގައި އޮތްގުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ ދަތުރަކަށެވެ. ދެމީހުންގެ ހަޔާތް މުޅިން ބަދަލުވީއެވެ. ފަރިޔާލާ ދުރުގައި ހުންނަން ތަހުސީނު ނޭދޭއިރު އޭނާއާ ގާތް ވުމުން ވެސް ތަހުސީނަށް މަޑަކުން ނުހުރެވެއެވެ. ދަތުރު ދިޔައީ މާލެއާ ކައިރީގައި އޮތް އާންމުކޮށް މީހުން ދަތުރުގޮސް އުޅޭ ރަށަކަށެވެ. އެންމެން ވެސް ފަރިޔާލްއާއެކު ތަހުސީނު ފެނުމުން އެއީ ފަރިޔާލުގެ ކާކުކަން އެނގެން ބޭނުންވިއެވެ. އެ ސުވާލަށް ފަރިޔާލު ޖަވާބުދޭތަން ތަހުސީނަށް ފެނެއެވެ. ހަމައެގޮތަށް ފަރިޔާލުގެ ވާހަކަ ޤަބޫލުނުކުރެވިގެން އޭނާގެ ކުލާހުގެ ބައެއް ކުދިން އައިސް ސީދާ ތަހުސީނުގެ ގާތުގައި ވެސް އެހިއެވެ. އެ ދަތުރުގައި ހިތާވެގެން އުޅޭ އެތައް ޖޯޑުތަކެއް ބައިވެރިވިއެވެ. މިނިވަންކަމާއެކު ލޯބިވެރިޔާގެ އަތުތެރޭގައި ތިބެލުމުގެ ފުރުޞަތު އެހެންމީހުންނެކޭ އެއްފަދައިން ފަރިޔާލާއި ތަހުސީނު ވެސް ހޯދިއެވެ.

މެންދުރުގެ ކެއުމަށްފަހު މޫދަށް އެރެން އެކަކު ވެސް ބޭނުމެއްނުވިއެވެ. ބޯތައް ފިއްސަމުންދިޔަ ގަދަ އަވީގައި އެންމެން ހަރަކާތްތެރިވެ އުޅުނު އިރު ދަލުން ތެމި ފޯނުވާ އެކަކު ވެސް ނެތެވެ. ބައެއް ކުދިން ހިޔާކޮޅުކޮޅުގައި އަރާމުކޮށްލުމަށް ޖައްސާލަމުން ދިޔަ ވަގުތު ފަރިޔާލުގެ އަތުގައި ހިފައިގެން ތަހުސީނު ހިނގައިގަތީ އެންމެނާ ދުރަށެވެ. މީހުންގެ އެއްވެސް ހިލަމެއްނުވާ ހިސާބަށް ދެވުމާއެކު އަތިރިމަތީގައި ހެދިފައި އޮތް މަގޫގަސްތަކުގެ އޮފިތައް އެއްފަރާތްކޮށް މަގު ހަދަމުން ކުރިއަށް ދާންފެށިއެވެ. އޭރު ވެސް ތަހުސީނުގެ އަނެއްއަތުގެ ތެރޭގައި ފަރިޔާލުގެ އަތްކުރި ހިފެހެއްޓިފައި އޮތެވެ.

“މިގަސްތަކުގެ ތެރެއަށް ކީއްކުރަންތަ ވަންނަނީ؟ ތަހުސީނު، މީ އެހާ ރަނގަޅުކަމެއްނޫން…” ހިތްބިރުގެންފައި ހުރިހެން ފަރިޔާލުގެ އަޑުން ހީވެއެވެ. އެހެންނަމަވެސް ތަހުސީނު ވަކި އެއްޗެއް ނުބުނެ ކުރިއަށް ވަދެގެން އައެވެ.

ބޮޑުބިޔަ ގަހެއްގެ ގޮފިގަނޑެއް އިރައިގެން ގޮސް ތިރިއަށް ފައިބާފައި އޮއްވާ ފެނުމުން އެ ތަނުގައި ތަހުސީނު މަޑުކުރިއެވެ. އަދި އެލިފައި އޮތް ގޮފިގަނޑުގައި ތަހުސީނު އިށީނދެ އޭނާގެ ގާތުގައި ފަރިޔާލު ގެނެސް ބޭންދިއެވެ.

“މިހާރު ކިހާ ހިތްފަސޭހަ، މިތަނަށް އަތްވެއް ވެސް ނުދޭ، މީހެއްގެ އުނދަގުލެއް އަހަރުމެންނަކަށް ނުފޯރާނެ” ތަހުސީނު ބުނެލިއެވެ.

“ތަހުސީނު، އަހަރެންގެ ކޯސް ނިމެން ދެން އޮތީ އެންމެ ދެ މަސް، ކޯސް ނިމުނީމާ މަންމަ ގާތަށް ރަށަށް ދާންޖެހޭނެ”

“އަދި ދެ މަސް އެބައޮތެއްނު، މިހާރު އިހަށް ތިކަމާ ނުވިސްނާ، ވަގުތު ޖެހުނީމާ ކޮންމެވެސް ގޮތެއް ފެންނާނެ” ހަރުދަނާ ޚިޔާލުތަކެއް ތަހުސީނުގެ ނެތެވެ. އޭނާ ބޭނުންވެފައި ހުރީ މިހާރު މިވަގުތުގެ ހިތްހަމަޖެހުމެވެ. ފަރިޔާލާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމެވެ. އެއްވެސް އިރަކު ދުރަށް ވިސްނާ މީހަކު ކަމުގައި ތަހުސީނު ނުވާތީއެވެ.

“ކައިވެންޏާ މެދު ތަހުސީނުގެ ޚިޔާލު ހުރީ ކިހިނެއް؟”

“ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކައިވެންޏެއް ކުރާނެ ދޯ ކޮންމެ މީހަކު ވެސް”

“ތަހުސީނު ކައިވެނިކުރަން ބޭނުންވަނީ ކޮންއިރަކު؟”

“އަހަރެން… އަހަރެން އެހާ އަވަހަށް ކައިވެނިކުރާކަށް ބޭނުމެއްނޫން، ދެމީހުން ދަސްކުރަންޖެހޭނެ ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން، އެހެންނޫނަސް މިހާރު ކައިވެންޏެއްކޮށްގެން އަހަންނަށް އުޅެވޭނޭކަމުގެ އެއްވެސް ޔަޤީންކަމެއްނެތް، މަންމަ އާއި ބައްޕަގެ ވިސްނުން އަހަންނާ ވަރަށް ތަފާތުވާނެ” ތަހުސީނު ބޭނުންނުވިޔަސް އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔައީ ކައިވެންޏަކީ އޭނާ ދައްކަން އެހާ ބޭނުން މައުޟުޢުއެއް ނޫންކަމެވެ.

“ތަހުސީނުގެ މައިންބަފައިންނަކީ ކޮންބައެއްކަން އަހަންނަށް އެނގޭ… އަހަރެންގެ ޟަމީރު ބުނަނީ ކީކޭކަން އެނގޭތަ؟ މި ޟަމީރު ބުނަނީ ތަހުސީނުގެ މައިންބަފައިންނަށް އަހަރެންކަހަލަ ކުއްޖަކު ކަމަކު ނުދާނެއޭ، އަނެއްކާ އަހަރެންގެ މަންމަގެ ވިސްނުން ވެސް ހުންނާނީ މިހެންކަން ޔަޤީން، އަހަރެން ކަހަލަ މަތިފުށުގައި މާތްކަމެއްނެތް ޔަތީމު އަންހެންކުއްޖަކު މާލޭގެ ބޭފުޅު ގެއަކަށް އެމީހުން ރުހިގެން ނުވައްދާނެއޭ އަހަރެންގެ މަންމަ ބުނާނެ، އެހެންވެ އެކަހަލަ ފިރިހެނެއްގެ ހަޔާތުން ޖާގަ ލިބިދާނޭކަމަށް އުއްމީދު ނުކުރަން އަހަރެންގެ މަންމަ އެދުނު… އެކަމަކު އަހަންނަށް ލޯބިވެވުނީ ތަހުސީނުދެކެ، ވަރަށް ބޮޑަށް ލޯބިވެވިއްޖެ… ދުވަހަކު ވެސް ވަކިވާކަށް ނޭދެން، ތަހުސީނު ވެސް އަހަރެންދެކެ ލޯބިވާކަން އެނގޭ… ދެން ކީއްވެ މިހިތް އެހާ ބިރުގަންނަނީ… އަހަރެންގެ ޟަމީރު، އަހަރެންގެ މަންމަގެ ވާހަކަތައް ހަނދާންކޮށްދެނީ ކީއްވެ؟”

“ތީ ފަރީގެ ވަހުމް… މިވަގުތު ތިކަހަލަ ސީރިއަސް ވާހަކަދައްކާކަށް އަހަރެންގެ މޫޑެއްނެތް”

“ފުރަން ކައިރިވާކަން އެނގޭއިރު އަހަރެންގެ ހިތް ނުތަނަވަސްވާނޭވަރު ތަހުސީނަކަށް ނޭނގޭތަ، އަނެއްކާ ދެ ހިތުގެ ރާގު ބަދަލުވީތަ؟ ހީކުރެވުނީ މި ހިތާއި ތިހިތްވީ ގުޅި ލާމެހިފައޭ…”

“ދެން ހެޔޮ… ފަރީ ދެރަކުރާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން އެކަހަލަ ކަމެއް ނުކަރަމެއްނު… މިތާ ތިބުމަކީ ފަރީ ހިތްހަމަނުޖެހޭ ކަމެއްނަމަ ހިނގާ ދާން” ތަހުސީނު ކުއްލިއަކަށް ތެދުވެ ހިނގައިގަންނަން އުޅުނެވެ. އެހިނދު އޭނާގެ އަތުގައި ފަރިޔާލު ހިފިއެވެ. އަދި ގެނެސް ކުރިން ވެސް އިންތަނުގައި ތަހުސީނު ބޭންދިއެވެ.

“ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން” ލޯތްބާއެކު ދެއަތުން ތަހުސީނުގެ މޫނުގައި ފަރިޔާލު ހިފަހައްޓާލިއެވެ. އެއާއެކު ތަހުސީނު ވެސް ހިނިތުންވެލައިފިއެވެ.

“މީ ދުރުގައި އިންނަންވީ ވަގުތެއްނޫނޭ… އާދެބަލަ” ލާނެތްގޮތަކަށް ތަހުސީނު މިހެންބުނެ ފަރިޔާލު ގަޔާލާ ބޮނޑިކޮށްލިއެވެ. ދުރުން ފެންނަމީހަކަށް ގަސްތަކުގެ ތެރެއިން އެ ދެމީހުން ހީވާނީ ގަހެއްގެ ފަލަ ގޮފިގަނޑެއްހެންނެވެ. ތިބީ އެހާ ވެސް ގާތުގައެވެ. އެކަކު އަނެކަކު ޖެހި ފިތިބާރުވެފައެވެ.

ތަހުސީނުގެ ޢަމަލުތައް ކޮޅުންލާންފެށުމުން ފަރިޔާލު ފަސްޖެހުނެވެ. އެހެންނަމަވެސް ތަހުސީނުގެ ވާހަކަތަކުން ފަރިޔާލަށް އަމިއްލަ ނަފްސަށް އިތުބާރު ލިބިގެންދިޔައެވެ. ނުކެރިފައި ހުރެ ވެސް ދެމީހުންގެ ގުޅުން ކައިވެނިން ބޭރުގައި ގެންގޮސްގެން ނުވާނޭ ދަރަޖައަށް ގެންދެވުނީއެވެ. ޒުވާންކަމުގެ ލޭ ހޫނުވެ ކުރެވެމުންދިޔަ އައު ތަޖުރިބާއިން ހިތާ ސިކުނޑި ވެސް އެވަގުތު ހުރީ މަސްތުކަމެއްގެ ތެރޭގައެވެ. ދެމެދުގައި ހިނގަމުންދިޔަ ނަހަމަ ގުޅުން ހުއްޓާލުމަށް އިސްނަގާނޭ ފަރާތެއްނެތެވެ. އޮހޮރެމުންދިޔަ ދާތިކިތަކުން ދެ ޖިސްމު ފިނިކުރުމުގެ ބަދަލުގައި ދެ ހަށިގަނޑުގެ ތެރޭ ގަދަ އަލިފާންގަނޑެއް އަދަމުންދާ ކަހަލައެވެ. އަވަސްވެފައިވާ ނޭވާ ކުރުވެ ފުންވަމުންދިޔައިރު ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއް ތަހުސީނާއި ފަރިޔާލުގެ ނެތެވެ. ދޭތެރެއަކުން ދެ ޒުވާނުން ހީނލާއަޑުއިވެއެވެ. ނޫނީ ލޯބީގެ މަސްތުކަމުގައި އެކަކުއަނެކަކަށް ގޮވާލައެވެ.

އަރާމު ފުން ނިންޖަކުން ނިދިފައި ހޭލެވުނު ކަހަލައެވެ. ހިނިތުންވެލައިގެން ދެ ޒުވާނުން ތިބިއިރު މޫނުމަތިންފެންނަމުން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. ތަހުސީނު ބަލާލުމުން ފަރިޔާލު ހީނލަމުން އިސްޖަހާލިއެވެ. ދެމީހުން ތެދުވެ ގަސްގަނޑުމަތީ އިށީންނަމުން ގައިން ވެލިފޮޅާލިއެވެ. ލޯބިން ފަރިޔާލުގެ އަތުގައި ހިފާލައިގެން ތަހުސީނު އިނެވެ. ކުރެވުނު ކަމެއްކުރެވުނީއެވެ. އެކަމާ ތަހުސީނު ދެރައެއްނުވެއެވެ. ފަރިޔާލު ވެސް ފެންނަނީ ހަމަޖެހިފައި އިންތަނެވެ. ހިނގާދިޔަ ކަންތަކާމެދު ވާހަކަދައްކާކަށް ތަހުސީނު ބޭނުމެއްނޫނެވެ. ބަޔަކުމީހުން ފަރިޔާލަށް ގޮވާއަޑުއިވުމުން ދެ މީހުން އަވަސްއަވަހަށް އަތިރިމައްޗަށް ނިކުމެ މަގޫގަސްތައް ކައިރީ އިށީނދެލައިގެން ތިއްބެވެ. ގިނައިރެއްނުވެ ފަރިޔާލުގެ ކިލާސްކުދިން އަންނަތަން ތަހުސީނަށް ފެނުނެވެ.

ތަހުސީނު ދަތުރު ނިންމާފައި އައިފަހުން ފަރިޔާލާ މެދު ވިސްނޭލެއް ގިނަވެއްޖެއެވެ. އަރުގައި ލީ ފޮނިރަހަ ހަނދާނަކުން ނުނެތުނެވެ. ފަރިޔާލުގެ ހިތް ރުއްސަމުން ގޮސް ދަންވަރު ފަރިޔާލުގެ ގެއަށް ތަހުސީނު ވަންނަންފެށިއެވެ. ގޭގެ ވެރިން ކަމުގައިވާ ރުޝްދީގެ ދެމަފިރިން ނިދުމުން އެކެއްޖަހާއިރަށް އަންނަ ތަހުސީނު އެގެއަށް ވައްދަނީ ފަރިޔާލެވެ. ޚުދު ތަހުސީނު ވެސް އެގަޑީގައި އަމިއްލަ ގެއިން ނިކުންނަނީ ސިއްރުންނެވެ. ފަރިޔާލުގެ ކޮޓަރިއަށް ވަންނަ ގޮތަކަށް އެތަނުން ނުކުންނަނީ ރުޝްދީމެންގެ ދެމަފިރިންނާއި ތަހުސީނުގެ މައިންބަފައިން ފަތިސްނަމާދަށް ހޭލަންވާއިރަށެވެ.

ފަރިޔާލުގެ ކިލާސްނިމޭގަޑިއަށް ތަހުސީނު ހުރީ އައިހެވެ. ގޭގައި ހުރި ފޯނަކީ ތަހުސީނަށް އެ އިން އެއްވެސް ވަރަކަށް ބޭނުންހިފޭ އެއްޗެއް ނޫނެވެ. ފޯނުން ވާހަކަދެއްކުމަކީ ފަރިޔާލު ރުހޭ ކަމަކަށް ނުވާތީއެވެ. އަނެއްކޮޅުން ދެމީހުން ބައްދަލުވާން ބޭނުންވާ ވަރަށް އެކަކު އަނެކަކަށް ދިމާވާތީ ވެސް މެއެވެ. އެހެންނަމަވެސް އެރެއަކު ތަހުސީނުއަށް ފަރިޔާލެއް ނުފެނުނެވެ. ކިލާހުގެ ހުރިހާ ކުދިންނެއްހެން ނިކުމެ ހުސްވަންދެން ކަހަލަ ގޮތަކަށް އެތަނުގައި ހުއްޓެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް ތަހުސީނަށް ލިބިގެންދިޔައެވެ. އެހެންނަމަވެސް ފަރިޔާލު ހޯދަން ރުޝްދީމެންގެއަށް ދެވޭކަށް ނޯންނާނެއެވެ. އެހެންވެ އަނެއްކާ ވެސް ޖެހިގެން އައިރޭ ކިލާސް ދޮށަށް ދިޔައީ ފަރިޔާލު ހޯދުމަށެވެ.

“އައިސްތޫ…” ކިލާހުން ނުކުމުގެން އެކަނިމާ އެކަނި ގެއަށް ދިއުމަށް ހިނގައިގަތް ފަރިޔާލުގެ ރަޙުމަތްތެރިޔާ ފެނުމުން އޭނާގެ ގާތަށް ތަހުސީނު ދުވަމުން އައިސް އެއްވަރު ކުރިއެވެ.

“ތަހުސީނު…” އައިސްތު ހިނިތުންވެލަމުން ބުނެލިއެވެ.

“ފަރީ ނާދޭތަ؟”

“ފަރީ އުޅެނީ ބަލިވެ؟ އޭނަ ނުބުނޭތަ؟ އަހަންނަށް ވެސް އެނގުނީ މިއަދު އޭނާ ހޯދަން އެގެއަށް ދިޔައީމަ” އައިސްތު ބުނެލިއެވެ.

“އެގެއަށް ކިހިނެއް ގުޅާނީ؟ އަހަރުމެން ދެމީހުން ބައްދަލު ކުރަނީ ފަރީ ކުލާހުން ނިމޭގަޑީގައި، އައިސްތޫ، ފަރީއަށް ކިހިނެއްވީ؟ އޭނާ ގާތު ބުނެދެވިދާނެތަ އަހަރެން ބައްދަލުކުރަން ބޭނުންވާ ވާހަކަ… ދޮރޯށި ދޮށަށްވިޔަސް ނިކުމެލަދޭންވީ ނޫންހޭ…” ވަރަށް ކަންބޮޑުވެފައި ހުރެ ތަހުސީނު ވާހަކަދެއްކިއެވެ.

“މިއަދު އެގެއަށް ދިޔައިން، ފަރީ އުޅެނީ ބޮލެއްގައި ރިހޭތީ، ކުޑަކޮށް ހުންވައްތަރު ވެސް ވެފައި ހުރީ… އަދި ޑޮކްޓަރަކަށް ނުދައްކާ، ބޭހެއް ކާލައިގެން ރަނގަޅުވެދާނޭ ކިޔާފައި ހުރީ، މިރެއަކު ދެން ނުކެރޭނެ އެގެއަށް ވަންނާކަށް، އެކަމަކު މާދަމާ ހަވީރު އެގެއަށް ދާނަން، ގޮސް ފަރީއަށް ތަހުސީނުގެ މެސެޖު ރައްދުކޮށްދޭނަން، އެންމެ ރަނގަޅުތަ؟”

އައިސްތުއާ އެއްބަސްވުމަށް ބޯޖަހާލިއެއްކަމަކު މާދަމާ ވަންދެން މަޑުކުރުމަކީ ތަހުސީނަށް ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް އޭނާއަށް މިވަގުތު އިތުރު ގޮތެއް ނެތެވެ. ފަރިޔާލުގެ ޚަބަރު އޮޅުން ފިލުވުމަށް އޭނާގެ ގާތަށް ފޮނުވަން ހުރީ ވެސް އައިސްތު އެކަންޏެވެ.

އައިސްތުއާ އެއްކޮށް ދިއުމުގެ ބަދަލުގައި ތަހުސީނު އެނބުރި އައީ ގެއަށެވެ. އެހެންނަމަވެސް އޭނާ ހާސްވާގޮތް ވާންފެށިއެވެ. ފަރިޔާލާއެކު ބޭއްވެމުން އައި ގުޅުމާމެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނީ ދެނެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން އިރުއިރުކޮޅާ އެނދުގެ މަގަތުގައި އިށީންނަމުން ތަހުސީނު ވިސްނަމުން ދިޔައެވެ.

“އިރާދަކުރެއްވިއްޔާ ހީކުރާ ކަހަލަ ބިރުވެރިކަމަކަށް ނުވާނެ… އެކަމަކު ބޮނޑިއެއް ނުލިބެނީސް ރައްކާތެރިވާން އެބަޖެހޭ، އެހެންނޫނީ ވާނޭ ގޮތެއް ވެސް އެނގެނީއެއްނޫން…” ދެއަތުން ބޮލުގައި އަތްހާކާލުމާއެކު ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އެނދުމައްޗަށް އުއްޑުން ވެއްޓިގަތުމާއެކު ނިދޭތޯ އުޅުނެވެ.

ކިލާސްނިންމާފައި ނިކުން އައިސްތުއަށް ތަހުސީނު ފެނުނެވެ. މަގުގެ ދެކޮޅު ބަލާލާފައި ކުދިންތަކުގެ ތެރެއިން ހަލުވިކޮށް އައިސް ތަހުސީނުގެ ކުރިމަތީ އައިސްތު މަޑުކޮށްލިއެވެ. އަދި އަތުގައި އޮތް ފޮތްބައިން ފޮތެއް ނަގާ އޭގައި އޮތް ސިޓީއެއް ތަހުސީނާ ހަވާލުކުރިއެވެ.

“އަހަރެން ދެން ދަނީ… ތަހުސިނު ނިކަން ފަރީއަށް ވިސްނައިދީބަލަ، ޑަކްޓަރަކަށް ނުދައްކާ އެހެން ހުރެ ބޭސް ކާކަށް ނުވާނެ، މިއަދު އެގޭ ބޭބެ ވެސް އަހަރެން ކައިރީ ޝަކުވާކުރި ފަރީ ޑަކްޓަރަށް ދައްކަން އެއްބަސް ނުވެގެން” އައިސްތު ބުނެލިއެވެ.

“ދިމާވީމާތާ އެއްޗެއް ބުނެވޭނީ” ދެބުމަ ހިއްލާލަމުން ތަހުސީނު ބުނެލިއެވެ.

“އަހަރެން ދެން ދަނީ…” އައިސްތު ބޯޖަހާލާފައި ބުނެލިއެވެ.

ތަހުސީނާ ދުރަށް އައިސްތު ހިނގައިގަތުމާއެކު އަވަސް އަވަހަށް އަތުގައި އޮތް ސިޓީ އުރައިގެ ތެރެއިން ނެގި ކަރުދާސްގަނޑު ކިޔަންފެށިއެވެ. އޭގައި އޮތީ ދަންވަރު އެކެއް ޖަހާއިރަށް އައުމުން ފަރިޔާލު އިން ގެއަށް ތަހުސީނު ވައްދާނަން ކަމުގައެވެ. އިތުރު އެއްވެސް ވާހަކައެއް ލިޔެފައެއްނެތެވެ. ވަގުތުން ތަހުސީނަށް ބަލާލެވުނީ އަތުކުރީ އޮތް ގަޑިއަށެވެ.

“މިރޭ ގޭގައި މައިތިރިވެފައި އިން ރެއެއްތަ؟” އަބްދުއްސައްތާރު ކާގެއިން ނިކުމެގެން އައިސް ސިޓިންރޫމަށް ވަންއިރު ތަހުސީނު ފެންނަން އިނުމުން ބުނެލިއެވެ. އެއަޑު ކާގޭގައި ތަށިތައް ނަގަން ހުރި ޒާހިރާއަށް ވެސް އިވުނެވެ.

“ތަހުސީނު އައީތަ؟ ދަރިފުޅާ އާދޭ ކާން…” ޒާހިރާ ގޮވާލިއެވެ. އެއާކު އިސްޖަހާލައިގެން އަބްދުއްސައްތާރަށް ނުބަލަން ހުރެ އޭނާގެ ގާތުން އަޅާފައި ގޮސް ކާގެއަށް ވަނެވެ.

“ކޮންމެ ރެއަކު ދަރިފުޅު ކޮންތާކުތަ ތިއުޅެނީ؟ މިހާރަކަށް އައިސް އެއްރޭ ވެސް ނުވޭ ބައްޕަ އާއި ދޮންބެއާއެކު ކާމޭޒު ދޮށަށް އެރޭކަމަށް… ދަރިފުޅު ގާތު ވާހަކައެއް ވެސް ދައްކަންވެފައޭ އޮތީ، ގޭގަ މަޑުވާނަމައެއްނު އެއްޗެއް ބުނެވޭނީ ވެސް”

“ދެން މަންމާ، މިހާރު އަޅުގަނޑު މި އިނީ ގޭގައެއްނު، ތިގޮތަށް އެއްޗެހި ވިދާޅުވީމާ އަޅުގަނޑު ވެސް ގޭގައި ހުންނަ ހިތެއް ނުވާނެ”

“އެއްޗެހި ކިޔެނީ ތަހުސީނު ވެސް އުޅޭ ގޮތުން، އަބަދާ އަބަދު ގެއިން ބޭރުގައި އުޅޭތީވެ ބައްޕަ ނިންމަވައިފި މިފަހަރު ދޮންބެ ކިޔަވަން ފޮނުވާއިރު ތަހުސީނު ވެސް ފޮނުވަން، ދެބެން އެކުގައި ފޮނުވީމާ ރަނގަޅުވާނެއެއްނު، އޭރުން އެކަނިވެގެން އުޅޭކަށް ނުޖެހޭނެއެއްނު”

“އަޅުގަނޑު ކިޔަވާހިތެއްނުވޭ”

“މަންމައަށް އޭރު ވެސް އެނގޭ ދަރިފުޅު ބުނާނީ ތިހެންކަން، ކިޔަވާހިތެއްނުވޭ، މަސައްކަތެއް ކުރާހިތެއްނުވޭ… ދެން ތަހުސީނު ބޭނުންވަނީ ވަކަރުގޭ ކުދިންހެން އެއްވެސް ހަރުދަނާކަމެއްނެތި އުމުރު ދުއްވާލަންތަ؟”

“އަޅުގަނޑު މަސައްކަތްކޮށްފާނަން، އެކަމަކު ދެން އިތުރަކަށް ނުއެއްކިޔެވޭނެ… ކުރާހިތްނުވާކަމެއް ކިހިނެއްތޯ ކުރާނީ މަންމާ”

“މިހާރު ފާޅުގައި ދެކޮޅުހަދަން ވެސް ފެށީތަ؟ އިހަށް އަހަރުމެން އެއްޗެއް ބުނެފިއްޔާ ބަހެއް ވެސް ނުބުނާނެ، ވަގުތުން ޤަބޫލުކުރާނެ، ފިޔަފަޅައިގެން އުއްދުއްސައިގަންނަން ތައްޔާރުވެފައިކަމަށް ތިހުރީ ހީކުރެވުނަސް ހާލިން ފުންމާލާއިރަށް ވެއްޓި ވަރަބިނދި އަނިޔާއެއް ނޫނީ އަދިއެއްނުވާނެ…. ބައްޕަގެ ނިންމެވުމާ މަންމަ ވެސް ނުހަނު ޤަބޫލު، ޠާރީޤު ހުރީ ތައްޔާރަށް، އެހެންވީމާ ތަހުސީނަށް ވެސް ޖެހޭނީ ދާން” ޒާހިރާ ރުންކުރުވިއެވެ. އިތުރަށް އެއްޗެއް ބުނާކަށް ތަހުސީނަކަށް ނުކެރުނެވެ. ހިތްހަމަނުޖެހިފައި އިނދެ ޒާހިރާ މޮޑެފައި ގެނެސް ކުރިމަތީ ބެހެއްޓި ބަތްތަށި ހާވަން ތަހުސީނު އިނެވެ. އެހެން އިންދާ އަނެއްކާ ވެސް އިވުނީ ޒާހިރާގެ އަޑެވެ.

“ތިޔަތަނުން ފޫހިއްލާލައިގެން ނުވާނެ ތި ބަތްތަށި ހުސްކޮށްފައި ނޫނީ، އަބަދު ބޭރުގައި އުޅޭތީ މިހާރު މީހާގެ ސިފަ ވެސް ހުތުރުވެއްޖޭ، މައިންބަފައިންގެ ބަސްނާހަންޏާ ހުރިހާ ކަމެއް ވެސް ވާނެ” ތަހުސީނު އިންގޮތުން ބަތްތަށި ބަހައްޓާފައި ހިނގައިދާނޭހެން ޒާހިރާއަށް ވަރަށް ހީވީއެވެ. ހަރުކަށިކަމާއެކު އަމުރުކުރަން ޖެހުނީ އެހެންވެއެވެ. މިފަހަކަށް އައިސް ތަހުސީނު ރޭގަނޑު ކަނީ ކިހިނެއްކަމެއް ވެސް ޒާހިރާއަށް އެނގެނީއެއްނޫނެވެ. ކުރިއަށްވުރެ ތަހުސީނުގެ ހަށިގަނޑުގެ ވެސް ނިކަމެތިވެއްޖެހެން ޒާހިރާއަށް ހީވެއެވެ. އެހާވަރުން ގަދަކަމުން ވެސް ތަހުސީނަށް ކާންދޭން އޭނާ ބޭނުންވީ އެހެންވެއެވެ.

ބާރެއްނެތް ކުޑަކުއްޖަކު ބޮޑާހާކާލައިގެން އިނދެ ކަމުން ދިޔަހެން ތަހުސީނު ވެސް ސަމްސަލުން ކަމުން ދިޔައެވެ. އޭނާގެ ދެބުމަ ގޮށްޖަހާލައިގެން އިނދެއެވެ. ވާހަކަދައްކައިގެން އެބައެއްގެ ކައިރިން ތަހުސީނަށް ކުރިނޭރޭނޭ ހަމައެކަނި ބަޔަކީ އޭނާގެ މައިންބަފައިންނެވެ. އޭނާއަށް އިހުސާސްކުރެވެނީ އޭނާގެ މައިންބަފައިން އޭނާ ބޮޑުކުރަމުން އެ ދަނީ ހުރަގެއެއްގައި ބަހައްޓައިގެން ހެންނެވެ. ތަހުސީނު ބޭނުންވާ މިނިވަންކަމެއް އޭނާއަކަށް ނެތެވެ. ފަހަރެއްގައި ވެސް ޒުވާންކަމުގެ ޖޯޝާއެކު އޭނާގެ ޠަބީޢަތަށް އައިސްގެން އުޅޭ ބަދަލެއްކަމުގައި އޭނާއަށް ޤަބޫލެއްނުކުރެވެއެވެ. ޢާއިލާތެރޭގައި ވެސް އުސޫލުތައް އެހާ ގިނައެވެ. ބައްޕަ ނުރުހުންވެއްޖެނަމަ މުޅި އިމާރާތް ވެސް ހިމޭންވެދާ ކަހަލައެވެ.

ފިކުރުގެ ބޮޅުތަކުގެ ތެރެއަށް އިތުރު ބޮޅެއް މެހިގެންދިޔައީއެވެ. ހިތްހަމަނުޖެހިފައި ހުރި ތަހުސީނު ކައިގެން ކޮޓަރިއަށް ވަންގޮތަށް ނުނިކުތެވެ. އެހެންނަމަވެސް އެނދުގައި އޮވެ އޭނާއަށް ވިސްނެމުން ދިޔައީ މަންމަ، ޒާހިރާ ދެއްކި ވާހަކަތަކާ މެދު އާއި ފަރިޔާލާއި ދެމެދުގައި އޮތް ގުޅުމަށެވެ. ފަރިޔާލު ދޫކޮށްލާފައި ދާކަށް ތަހުސީނުގެ ހިތެއް ނުރުހެއެވެ. އެންމެ ރަނގަޅު ޚިޔާލެއްކަމަށް ތަހުސީނަށް ވިސްނުނީ މަންމަމެން އެދޭހެން ފުރައިގެން ދިއުމެވެ. ފަރިޔާލުއާ އޮތް ގުޅުން ކަނޑާނުލައެވެ. އޭރުން އެނބުރި ފަރިޔާލުގެ ގާތަށް އޭނާއަށް އާދެވޭނެއެވެ. އަދި މައިންބަފައިން ހިތްހަމަޖެހޭ ކަމެއް އޭނާގެ ފަރާތުން ވުމުން ފަރިޔާލުގެ ނަން އެމީހުންނާ ހަމައަށް ގެންނަން ލިބޭ ފުރުޞަތަކަށް ވެސް ވެގެން ދާނެއެވެ. ދެން އޮތީ ފަރިޔާލަށް ޔަޤީންކަށް ދިނުމެވެ. އޭނާ އެނބުރި އަންނަންދެން ފަރިޔާލު ހަމައެކަނި ތަހުސީނުގެ ބައިވެރިއެއްގެ ގޮތުގައި ބޭންދުމަށެވެ.

ދެފިކުރުގެ ތެރޭ ކަނބަން އޮތް ތަހުސީނު ތެދުވީ އަތުކުރީ އޮތް ގަޑިން އެލާމެއް އަޅާލުމުންނެވެ. އޭނާ ދާންވީ ވަގުތު ޖެހުނީއެވެ. އެންމެ ލަސްވެގެން ބާރަ ޖަހާއިރަށް އަބްދުއްސައްތާރުގެ ދެމަފިރިން ކޮޓަރިއަށް ވަންނާނެއެވެ. ތަހުސީނުގެ ބޭބެއަކީ އަބަދުވެސް ޢާއިލާގެ އެންމެ ބަސްއަހާ ކުއްޖާއެވެ. ވުމާއެކު ޠާރިޤު އެންމެނަށްވުރެން ކުރިން ނިދަން ވަންނާނެއެވެ. މުޅި ގޭތެރެ ހިމޭންވެ ވެފައި އޮތް ވަގުތެއް ކޮޓަރިން ނިކުން ތަހުސީނު ފައިތިލަ ބަހައްޓަމުން ދިޔައީ ވެސް އެހާމެ ސިއްރުންނެވެ. ގޯތިތެރޭގައި އަކިރިއަޅާފައި އޮތުމުން ފައިދަށުގައި އަކިރިތައް އެގޮތްމިގޮތަށް ތެޅިގަންނައިރު ހީވަނީ ގޭގެވެރިން ހޭއްލަންއުޅޭހެނެވެ. ފައިވަންޖޯޑުގެ ކޮންމެ ކިބައެއް ދެއަތުން ހިފަހައްޓާލައިގެން ފައިގެ ކުރި ޖައްސައިގެން އައިސް ދޮރޯށީގެ އެތެރެފަރާތުން ހަރުކޮށްފައި ހުރި ވަރުގަދަ މަކުޑި ނައްޓާލުމާއެކު ދޮރުގެ ތަޅު ހުޅުވާލިއެވެ. އަދި މަންމަ ޒާހިރާގެ ތަޅުދަނޑިފަތިން ނެގި ބޮޑުދޮރޯށީގެ ތަޅުދަނޑިން ގެއިން ނިކުމެ ދޮރޯށި ތަޅުލިއެވެ.

މަގުމައްޗަށް ދެފައިވަންކިބަ ވައްޓާލުމާއެކު އެއަށް ފައިތިލަ ހެޔޮވަރުކޮށްލިއެވެ. އަދި ހަލުވިކޮށް ހިނގާލާފައި ފަރިޔާލު އިންނަ ގެއާ ދިމާއަށް ހިނގައިގަތެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން ހިނގޭނޭ އެންމެ އަވަހަކަށް ތަހުސީނު ހިނގަމުން އައިސް ރުޝްދީމެންގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އޭރު އެކެއް ޖަހަން ފަސްވަރަކަށް މިނެޓު ހުއްޓެވެ. ދޮރޯށީގައި ހިފާލާފައި ވެސް ތަޅުލާފައި ހުރުމުން ތަހުސީނު ދޮރޯށި ކައިރީ ފާރުގައި ލެނގިލައިގެން މަޑުކޮށްލިއެވެ.

“ފަރީ…” ދޮރޯށީގެ ތަޅު ހުޅުވާލި އަޑާއެކު އެ ދިމާއަށް ސަމާލުވި ތަހުސީނު ބުނެލިއެވެ. އެހިނދު ފަރިޔާލު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަޑުގަދަ ނުކުރުމަށް އިޝާރާތްކުރިއެވެ. އަދި ސިއްރުން ތަހުސީނުގެ އަތުގައި ހިފައި ގޭތެރެއަށް ވައްދާ ދޮރޯށި ތަޅުލިއެވެ. ދެމީހުން އެކުގައި ސިޓިން ރޫމަށް ވަދެގެން އައިސް ބަދިގެއާ ކައިރީގައި ހުރި ފަރިޔާލުގެ ކޮޓަރިއަށް ވަނެވެ.

“ފަރީ ބަލިވީ ކިހިނެއްވީ؟” ފަރިޔާލުގައި އެނދުގައި އިށީންނަމުން ތަހުސީނު އަހާލިއެވެ.

“ނޭނގެ، ކުޑަކޮށް ބޮލުގައި ރިއްސާލީ، ދެން ހޮޑުލަވާގޮތްވެފައި ހުންވައްތަރުވެލީ…. އެކަމަކު ބޭސްކާލީމާ މިހާރު ރަނގަޅު” ފަރިޔާލު ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ.

“މޫނުމަތީން ވެސް ބަލިވައްތަރު ޖަހާލައިފި، ހިނގާ ޑޮކްޓަރަކަށް ދައްކަމާ” ތަހުސީނުގެ ގާތުގައި އައިސް ފަރިޔާލު އިށީނުމުން އޭނާގެ ދަތްދޮޅިގައި އެއްއަތުން ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ.

“ކުޑަކުޑަކަމެއްވާއިރަށް ޑޮކްޓަރަށް ދާންޖެހޭތަ؟ މިބުނީނު މިހާރު ރަނގަޅޭ… ތަހުސީނު، އަހަރެންގެ މަންމަ ރޭގައި ގުޅި، ކުރިއަށް އޮތް ދެހަފްތާ ތެރޭ ކޯސްނިމި ސެޓުފިކެޓު ދޭނެ، މަންމަ އެދުނީ ސެޓްފިކެޓް ހިފައިގެން އެންމެ އަވަހަށް ފުރާ އޮޑިން ރަށަށް އައުމަށް، މަންމައަށް ވެސް ލުއެއްލިބޭނީ އޭރުން، ގޭގައި އަހަރެން ނޫނަސް ދެކުދިން އެބަތިބި، ފިރިހެންކޮއްކޮއަށް އަދިވީ ބާރައަހަރު، ދެންހުރީ އަންހެންކޮއްކޮ، އޭނާގެ ކިޔެވުން ދެއަހަރުފަހުން ނިމޭނެ… އެހާ ދުވަސްވާންދެން ވެސް ޚަރަދުތައް ބެލެހެއްޓުމުގައި މަންމައަށް އެހީތެރިވެދޭން އަހަރެން އެބަޖެހޭ، އަހަންނަށް ވެސް މަޖާ މިގޮތަށް ތަހުސީނާއެކު ވަގުތު ހޭދަކޮށްލާއިރު، އެކަމަކު އަހަންނަށް އުފަލާ މަޖަލުގައި ވަގުތު ހޭދަކުރުމަށްވުރެ މި ގުޅުން މިހާރަށްވުރެ ހަރުދަނާކުރަން ބޭނުންވޭ، އަބަދު މިގޮތަށް އުޅޭނީ ކިހިނެއް؟ އަހަންނަކީ އަންހެންކުއްޖެއް، މިގެއިން ނެރެލިޔަސް މި މާލޭގައި އަހަރެން ގޮސް ވަންނާނޭ ގެއެއް ނުހުންނާނެ، ކޯސް ނިމުނީމާ ހިޔެއްނުވޭ މިގޭގައި ދެން ހުރެވޭނެހެނެއް”

“ފަރީ ހާދަ ސީރިއަސްވީ، ބަލިވީމަ ދޯ…” ފަރިޔާލު ގެނެސް ތަހުސީނުގެ އުނގުގައި ބާއްވާލަމުން އޭނާ ބުންޏެވެ.

“ހަމަ ސީރިއަސްކޮށް ދައްކާވާހަކައެއްމީ، އަހަރެން ކުރިން ވެސް ތަހުސީނު ގާތު ބުނިން ދޯ މިދުވަސް އަންނާނެ ވާހަކަ، ކޯސް ނިމުނީމާ ދެން ހަދާނީ ކިހިނެއް؟ މިގުޅުން އެހިސާބުން ނިންމާލާނީތަ؟” ފަރިޔާލުގެ ހިތުގެ ރިހުން އޭނާގެ އަޑާއި މޫނުން ވެސް ފާޅުވެގެން ދިޔައެވެ.

“ތިހެން ހީނުކުރޭ، އެކަމަކު އަހަރެން ދޭން އޮތީ ވެސް އެހާ ރަނގަޅު ޚަބަރެއްނޫން”

ތަހުސިނު ބުނި އެއްޗަކުން ވަގުތުން ފަރިޔާލަށް ތެދުވެވުނެވެ. އޭނާ އެންމެ ބިރުގަންނަނީ ތަހުސީނު އޭނާއާ ވަކިވެދާނޭތީ ކަހަލައެވެ. ފަރިޔާލުގެ އަތުގައި ތަހުސީނު ހިފިއެވެ. އަދި އިސޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.

“ބައްޕަ ނިންމައިފި ދޮންބެ ފުރާއިރު އޭނާއާއެކު އަހަރެން ވެސް ރާއްޖޭން ބޭރަށް ފޮނުވާލަން”

“އެހެންވީމަ ތިބުނަނީ ތަހުސީނަށް ޖެހޭނީ ފުރައިގެން ދާށޭ ދޯ” މޫނު އަނބުރާލައިގެން އިނދެ ފަރިޔާލު ބުނެލިއެވެ.

“ފަރީ، މަންމަމެން ހުއްޓައެއްނުލާނެ އަހަރެން ފޮނުވާނުލައެއް، އެކަމަކު އަހަރެން ވެސް ގޮތެއް ނިންމައިފިން، އަހަރެން ފަރީދެކެ ލޯބިވޭ، މަޖާކޮށްލަން އެކަންޏެއްނޫން މިއުޅެނީ… އަހަންނަށް ޖެހޭނީ މަންމަމެން ބޭނުންވާގޮތަށް ފުރައިގެން ދާން، އަހަރެން ބޭނުންވަނީ ފަރީ ވެސް ފަރީގެ މަންމަމެން ކައިރިއަށް އިހަށްދާން، އަހަރެން އެނބުރި މާލެ އައިސް ފަރީގެ ރަށަށް ދާނަން، ކޮންމެ ގޮތެއް ހަދާފައި ވިޔަސް ދާނަން، އެހާ ތަނަށް ފަރީ ކޮށްދޭންވީ ކަމަކީ އަހަންނަށް އިންތިޒާރުކުރުން”

“ތަހުސީނު ބުނާހާ ފަސޭހަކަމެއްނޫނޭ އިންތިޒާރުކުރުމަކީ، އަހަރުމެން ދެމީހުންނަށް އުޅެވޭގޮތް އެބަ އެނގޭތަ؟ މިހެން އުޅެފައި ދެ މީހުން ދުރުގައި ހުންނަ ވާހަކަ ދެއްކީމާ އަހަންނަކަށްނެތް އިތުބާރެއް ތަހުސީނަށް ހުރެވިދާނޭހެން”

“ތިހެން ނުބުނޭ ފަރީ، ކީއްވެތަ ވަކި އަހަންނަށް ނުހުރެވޭންވީ، ފަރީއަށް ހުރެވެންޏާ އަހަންނަށް ވެސް ހުރެވޭނެ، އަހަރެން ވިސްނައިގެން މިހިރީ ބޭރަށް ގޮސްފައި އައިސް މަންމަމެންނާ ހަމައަށް އަހަރުމެންގެ މިގުޅުމުގެ ވާހަކަ ގެންދަން، އޭރުން ވަރަށް ބޮޑަށް ހީވޭ މަންމަމެން ވެސް ހިތްހަމަޖެހިދާނެހެން، ފަރީ… ބުނެބަލަ… އަހަންނަށް އިންތިޒާރު ކުރާނަންތަ؟ އަހަރެން ވަޢުދުވަން ފަރީ ގާތަށް އެނބުރި އަންނާނަންކަމަށް” ފަރިޔާލުގެ ކޮނޑުގައި ހިފާ ގާތަށް ދަމާލަމުން ތަހުސީނު ބުންޏެވެ.

“މުޅި އުމުރު ވެސް ތަހުސީނަށް އިންތިޒާރުކުރުން މަތީ ދެމި ހުރެދާނަން، ވަޢުދުވޭ އެނބުރި އަންނާނަންކަމަށް” ފަރިޔާލުގެ ލޯ ފެންކަޅިވަމުން އަންނަތަން ތަހުސީނަށް ފެނުނެވެ.

އެތައް ފަހަރަކު ތަހުސީނު ވަޢުދުވިއެވެ. އޭނާ ކުޑަކޮށް ވެސް ފަރިޔާލާ ވަކިވާކަށް ނުވިސްނައެވެ. އެހެންނަމަވެސް ހާލަތު މިވަގުތަށް އެ ދެމީހުން އެކުގައިވުމަށް ތަނެއް ނުދެއެވެ. ފަރިޔާލަށް ވެސް އިތުރުގޮތެއް ނެތެވެ. ތަހުސީނުގެ އަތުތެރޭގައި އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން ފަރިޔާލު އިނެވެ. މީގެ ކުރިން އެ ދެމެދަށް ވެރިވެފައިނުވާ ހިމޭންކަމެއް ވެރިވެފައި ވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ތަހުސީނަކަށް ވެސް ނުވިސްނުނެވެ.

ފަރިޔާލުގެ ކޯސް ނިމުނުއިރު ތަހުސީނު ފުރަން ހަމަޖެހިފައި އޮތް ދުވަސް އަދި ނުޖެހެއެވެ. އެހެންނަމަވެސް ފަރިޔާލު އޭނާގެ ބަލިން ގަދައެއްނުވިއެވެ. ދޭތެރެއަކުން ހޮޑުލާ ވަރުބަލިވާތީ އުޅެއެވެ. އެކަން ފަރިޔާލު ސިއްރުކުރި ނަމަވެސް އެ ޚަބަރުތައް އައިސްތު އައީ ތަހުސީނަށް ކިޔައިދެމުންނެވެ. ތަހުސީނުގެ ވަރަށް އާދޭހާއެކު ފަރިޔާލު ފުރުމުގެ ކުރިން އައިސްތުއާއެއްކޮށް ޑޮކްޓަރަށް ދިއުމަށް ފަރިޔާލު އެއްބަސްވިއެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ފަރިޔާލާއި އައުސްތު އެނބުރި އައީ ނުބައި ޚަބަރަކާއިގެންނެވެ. ތަހުސީނުގެ ގެއަށް އައި ފޯނުކޯލު ނެގީ ޒާހިރާ ނަމަވެސް އޭނާ ތަހުސީނަށް އެ ކޯލު ދިނެވެ.

“މިހާރު އަންހެނުންގެ ކަންތައް ދޯ ތަހުސީނަށް ނުވެފައި އޮތީ… ކޮންގެއަކު ކުއްޖެއެއް އެއީ” ފޯނުކޯލު ބޭއްވުމާއެކު ޒާހިރާގެ ހަރިކަށިކަން އެކުލެވިފައިވި އަޑު ތަހުސީނަށް އިވުނެވެ. އެހެންނަމަވެސް އޭނާ އަވަސް އަރުވާލާފައި ގެއިން ނިކުމެގެން ދިޔައީއެވެ.

“ކަލޭމެން ދެމީހުންނަށްވާ ހަމަ ސާބަސް” ތޮށިގަނޑު ކައިރީ އާންމުކޮށް ފަރިޔާލާއި ތަހުސީނު ބައްދަލުކުރަން ތިބޭ ތަނުގައި މަޑުކޮށްލައިގެން ހުރި އައުސްތު ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުނެލިއެވެ. އޭރު އޭނާގެ ގާތުގައި ފަރިޔާލު އިސްޖަހާލައިގެން ހުއްޓެވެ. އޭރު އޭނާގެ ދެކޯތާފަތުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ތަހުސީނަށް ލިބުނު ހާސްކަމުގައި ވަގުތުން އައިސް ފަރިޔާލުގެ ގާތުގައި ހުއްޓި އޭނާގެ ދެ ކޯތާފަތް ފޮހެދެން ފެށިއެވެ.

“ނުވާންވީ ކަންތައް މިހާރު ތިއޮތީވެފައި، ދެން ވެސް އަވަހަށް ދެމީހުން ވާހަކަދައްކައިގެން ތިކަމަށް ހައްލެއް ހޯދޭތޯ ބަލާ” އައިސްތުގެ ވާހަކަތަކުން ފަރިޔާލުގެ ރުއިން އިތުރުވިއެވެ. ހަމައެއާއެކު ތަހުސީނުގެ ހިތް ނުތަވަސްކުރުވިއެވެ.

ފަރިޔާލު ގޮވައިގެން ތަހުސީނު އެއްފަރާތަށް ޖެހިލުމުން އައިސްތު ވެސް އެމީހުންނާ ދުރަށް ދިޔައެވެ. އަދި އެމީހުންގެ ވާހަކަ އަޑުނީވޭހާ ދުރުގައި ތޮށިގަނޑުމަތީ އިށީނދެލައިގެން އިނެވެ.

“ކިހިނެއްވީ؟ ކީއްވެ އައިސްތު ރުޅި އައިސްގެން އެއުޅެނީ… ފަރީ މާބޮޑަށް ބަލިވީތަ؟” ތޮށިގަނޑުމަތީ އަރާ އިށީން ތަހުސީނު، އޭނާގެ އުނގަށް ފަރިޔާލު ގެނެސް ލަމުން ބުނެލިއެވެ.

“އަހަރެން ބަނޑުބޮޑު” ފަސްޖެހުމެއްނެތި ނިކަން އަވަހަށް ފަރިޔާލު ބުނެލިއެވެ.

ފަރިޔާލުގެ ބަސްތަކުން ތަހުސީނު ހުއްޓުމަކަށް އައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ އިންނަން ފެށުމުން ދެ ލޯ ފުހެލި ފަރިޔާލު އިސްއުފުލައި ތަހުސީނަށް ބަލާލިއެވެ. އެ މޫނުގައިވަނީ ކަންބޮޑުވުމެވެ. ފަރިޔާލަށް ބަލާނުލިތާ އަނގައިން ވެސް ނުބުންޏެވެ.

“ތަހުސީނު، ދެން ކިހިނެއް ހަދާނީ…” ފަރިޔާލު ވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ.

“އަހަންނަކަށް…. އަހަންނަކަށް ނޭނގެ… ދެން ކިހިނެއްވަކި ހެދޭނީ….”

“ތަހުސީނު ތިހެންބުނީމާ އަހަންނަށް ވާނީ ކިހިނެއް؟ މީހުންގެ ތެރެއަށް ނިކުމެ އުޅޭން އަހަންނަށް ފަސޭހަވާނެތަ؟ ދުވަސްކޮޅަކުން ބޮޑުބަނޑެއް ނިކުތީމާ ފަޟީޙަތްވާނީ ވެސް އަހަރެން” ފަރިޔާލު މިހެންބުނުމާއެކު ދެއަތްތިލަ މޫނުގައި އަޅާލައިގެން ހުރެ ރޮމުންދިޔައެވެ.

“އަހަރެން ކޮންމެވެސް ގޮތެއް ވިސްނާނަން… ފަރީ ދެން ނުރޮއެބަލަ”

“ހިނގާ ކައިވެނިކުރަން…” ފަރިޔާލު ކުއްލިއަކަށް ބުނެލިއެވެ. ތަހުސީނަށް ދެން ވެސް ޖަވާބެއް ނުދެވުނެވެ. އޭނާ އިނީ ދުވަހަކު ވެސް ހާސްނުވާވަރަށް ހާސްވެ ގޮތްހުސްވެފައެވެ.

“ކީއްވެ އެއްޗެއް ނުބުނީ… މިވަގުތު އެންމެ ރަނގަޅުގޮތަކީ އެއީނު…”

“ފަރީ، ރަނގަޅުގޮތް އަހަންނަށް ވެސް ނޭނގިގެން ނޫޅެމޭ، ހައްތަހާ ވެސް އެހާ އަވަހަށް ކަމެއް ނިންމަންވީމާ”

“ވަކިގޮތެއް އަވަހަށް ނިންމަންޖެހިފައެއްނު މިއޮތީ… މީ އަހަރެން އެކަނި ކުރިކަމެއްނޫން، އަހަރެން ބަލިވެމި އިނީ ތަހުސީނުގެ ދަރިއަކަށް، އެކަން ތަހުސީނަށް ވެސް އެނގޭނެ، ދެން ކޮންކަމަކާ މާބޮޑު ވިސްނުންތަކެއް ވިސްނަން އޮތީ، އަހަރެން މިބޮޑު ލަދުގައި ދުނިޔެއަށް ބޭޒާރުވާކަށް ބޭނުމެއްނޫން… ތަހުސީނު… އަހަންނާ ކައިވެނިކުރޭ… ތަހުސީނު ޢާއިލާ މީހުން ނުގަބޫލިއްޔާ އަހަރެންގެ ރަށަށް ދެވިދާނެއެއްނު، އަހަރެންގެ މަންމަ ހަމަގައިމު ވެސް ރުހޭނެ އަހަރެންގެ ނިންމުމާ، އެކަމަކު މިގޮތަށް އިނދެ އަހަރެންގެ ޢާއިލާ ގާތަށް ދާކަށް ނުކެރޭނެ… އާދޭސްކޮށްފައި މިބުނީ…” ތަހުސީނުގެ މޭމަތިން ގަމީހުގައި ފަރިޔާލު ހިފާ އޭނާ ތަޅުވައިގަތެވެ.

“އަހަރެން މަންމަމެންނާ ވާހަކަދައްކާނަން، ދެން ނުރޮއެ… އެއްވެސް ގޮތެއް ނެތިއްޔާ އަވަހަށް ކައިވެނިކުރާނީ، އަހަރެން ފަރީ ގާތަށް ދާނަން، އައިސްތުގެ ނަންބަރު އޮންނާނެ… އޭނާއަށް އަހަރެން ގުޅާނަން، ފަރީ ތިވަރަށް ދެން ނުރޮއެ… އަހަންނަށް އިތުބާރުކުރޭ… އަހަރެން ފަރީދެކެ ވަރަށް ލޯބިވޭ… ބޭޒާރުވާކަށް ދުލެއްނުކޮށްލާނަން، މިރޭ ދެން އިހަށް ގެއަށް ދޭ… މާބޮޑަށް ލަސްވެއްޖެއްޔާ ރުޝްދީބެމެން އެހާ ހިތްހަމައެއްނުޖެހޭނެ”

“ވަޢުދުވޭ… ވަޢުދުވޭ އަހަރެން މި ދުނިޔެއަށް ބަދުނާމުވިޔަ ނުދޭނަންކަން… ތަހުސީނު… އަހަންނަށް ވަޢުދުވޭ” ފަރިޔާލު ހާސްކަންމަތީ ވާހަކަދެއްކިއެވެ. އޭނާ ދިއްކޮށްލައިގެން ހުރި އަތާ އަތްޖަހަމުން ތަހުސީނު ވަޢުދުވިއެވެ. އެވަރުން ފަރިޔާލުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެނިގެންދިޔައެވެ.

ފަރިޔާލާއި އައިސްތު ގޮސް ލޯ މަތިން ގެއްލެން ދެން ތަހުސީނު ތޮށިގަނޑު ކައިރީ ހުރެފައި މަޑުމަޑުން ކުރިއަށް ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް މިރޭ އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނޭ ހެންނެވެ. މައިންބަފައިން ތަހުސީނު ރާއްޖެއިން ބޭރަށް ފުރުވާލަން ހުރިހާ ކަމެއް ނިންމާ ފުރަން ދެތިން ދުވަހަށް ވެފައި ވަނިކޮށް ފަރިޔާލުގެ ފަރާތުން ލިބުނު ޚަބަރު އޭނާގެ ޢާއިލާއަށް އިވުމުން ގޭތެރޭގައި ނިއުކްލިއަރ ބޮމެއް ގޮވާހާ އަސަރު ހުންނާނޭކަން އެނގެއެވެ. އަނެއްކޮޅުން ފަރިޔާލަށްވީ ވަޢުދުގައި ދެމިހުރެވިދާނޭކަމުގެ އެއްވެސް ޔަޤީންކަމެއް ތަހުސީނުގެ ނެތެވެ.

އެރޭ އެއްގޮތަކަށް ވެސް ތަހުސީނަކަށް ނުނިދުނެވެ. އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮވެވުނީއެވެ. ހެނދުނު އަބްދުއްސައްތާރު ވަޒީފާއަށް ދާން ނިކުންނާނޭހާ އިރު ކޮށްފައި ތަހުސީނު ބަދިގެ ފަރާތަށް އައިސް ވަނެވެ. އޭރު ޒުބައިރު ވެސް ސައިބޮއެގެން ކާގެއިން ނިކުންނަނީއެވެ.

“މިހާރު އެއްގޮތަކަށް ފެނިވެސް ނުލާ ތިއުޅެނީ ކޮންތާކު؟ ކޮބާ އެމަންޖެގެ ހާލަކީ؟” ތަހުސީނުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ވާހަކަދެއްކިއެވެ.

“އަހަރެން ފުރަން އުޅޭ ވާހަކަ ބައްޕަ ނުބުނޭތަ؟”

“ނޫނޭ، އަޑުއެހިން ތިކަހަލަ ވާހަކައެއް، އެކަމާ ހިތްހަމަނުޖެހިފައި ދޯ ތިހުންނަނީ”

“އަހަރެން މިހިރީ ވަރަށް ބޮލުގައި ރިއްސާފައި” ތަހުސީނު މިހެން ބުނުމުން ޒުބައިރު އިތުރަށް އެއްޗެއް ނުބުންޏެވެ. ބޯޖަހާލާފައި އޭނާ ދާން ބޭނުންވި ދިމާއަށް ހިނގައްޖެއެވެ. ފަހަރެއްގައި ތަހުސީނުގެ ވާހަކައިން އޭނާ އިތުރަށް ވާހަކަދައްކަން ބޭނުންނުވަނީކަން ޒުބައިރަށް އެނގުނީކަމަށް ވެސް ވެދާނެއެވެ.

“ދަރިފުޅު ހާދަ ހެނދުނަކާ މިއަދު ހޭލައިގެން ތިއައީ؟ އަވަހަށް އާދޭ ސައިބޯން” ހަމަޖެހިލާފައި ހުރި ޒާހިރާއަށް ތަހުސީނު ބަލާލާފައި އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

ރޮށިފުނޑުވުމަށްޓަކައި ތައްޓެއް ގެނެސް ތަހުސީނުގެ ކުރިމަތީ ބެހެއްޓުމާއެކު އޭނާ އާންމުކޮށް ސައިބޯ ޖޯޑަށް ސައި އެޅުމަށް ޒާހިރާ އުޅުނެވެ. މޭޒުމަތީ ހުރި ރިހަ ބޯތަށި ތަށްޓާ ކައިރިކޮށްލުމާއެކު އެއިން ދެތިން މަސްކޮޅު ނަގާ ތަށީގެ ތެރެއަށ ތަހުސީނު ލިއެވެ. އަދި ރޮށިއަޅާފައި ހުރި ބޮޑުތަށީގެ މަތިނަގާ އެއިން ރޮށްޓެއް ނެގިއެވެ. ހީވަނީ ކާހިތްނެތިފައި އިނދެ ކާން މަސައްކަތް ކުރާ ހެނެވެ. އެހެން އިން އިރު ނިކަން އަވަސްއަވަހަށް ޒާހިރާގެ ހަރަކާތްތައް ހުރި ގޮތް ބަލަމުން ދިޔައެވެ. ކަމަކަށް ތައްޔާރުވެލި މީހަކުހެން ތަހުސީނު ހަށިފުރާ ނޭވާއެއް ލިއެވެ.

“މަންމާ…” ޒާހިރާއަށް ގޮވާލާފައި އިރުކޮޅަކު ތަހުސީނު މަޑުޖެހިލިއެވެ.

“ކިހިނެއްވީ” ޒާހިރާ އައިސް މޭޒުގެ ދޮށުގައި އިށީނެވެ. ދަރިފުޅު ދައްކަން އުޅޭ ވާހަކައަކަށް ޝައުގުވެރިވެފައި އިންހެނެވެ.

“އަޅުގަނޑު… މީހަކާ އިންނަން ވިސްނައިފިން” ހަޤީޤަތް ހާމަކުރަން ތަހުސީނު ފަސްޖެހުނެވެ.

“ކީކޭ؟ ތިޔަ ބުނި އެއްޗެއް މަށަކަށް އެއްގޮތަކަށް ވެސް ސާފެއްނުވި” ޒާހިރާ މިހެން ބުންޏަށް އޭނާގެ އަޑު ބަދަލުވެއްޖެކަން ތަހުސީނަށް އެނގެއެވެ.

“އަޅުގަނޑު މީހަކާ އިންނަން…”

“އެއީ ކާކު؟”

“އަންހެންކުއްޖެއް”

“ބަލަ މަށަށް ވެސް އެވަރު އެބަ ވިސްނެޔޭ، މި އަހަނީ އެއީ ކޮންގެއަކު ކާކުގެ ދަރިއެއްހޭ” ޒާހިރާގެ އަޑު ހައްތަހާވީ ބާރެވެ. އޭނާއަކީ ރުޅިގަދަ މީހެއްކަން ތަހުސީނަށް އެނގެއެވެ. އެހާ ޖެހިލުންވެފައި އިނދެ ތަހުސީނަށް އޭނާގެ މަންމައާ ވާހަކަދެއްކެނީ ވެސް އެހެންވެއެވެ.

“މާލޭ ކުއްޖެއްނޫން” ރޮށިކޮޅަކުން ތަށީގައި ހުރި މަސްކޮޅު ރޫޅަމުން ތަހުސީނު ބުނެލިއެވެ. އޭނާ ބެލީ ޒާހިރާއާ ނަޒަރު ސީދާ ނުކޮށްވޭތޯއެވެ.

“މިހެން ކަންތައް ވެދާނޭ ކުރިން ވެސް ހިތަށް އަރާވަރުން ތަހުސީނު ފުރުވާލަން ނިންމީ ވެސް، އެކަމަކު މިއަދު މިއަޑުއިވުނީ އެއްގޮތަކަށް ވެސް ތަހުސީނުގެ ފަރާތުން މަންމަ އަޑުއަހަން ބޭނުންވި ވާހަކައެއްނޫން، ތި ކައިވެންޏެއް ނުކުރެވޭނެ… ދެން މިގެއިން ބޭރަށް ފިޔަވަޅެއް ވެސް ތަހުސީނު އަޅައިގެން ނުވާނެ، އަބްދުއްސައްތާރުގެ ކަންފަތާ ހަމައަށް ތި ވާހަކަ ހިނގައްޖެނަމަ ވާނޭ ގޮތެއް ވެސް ނޭނގެ… ތަނަކުން އަންހެނަކު ފެންނައިރަށް ކައިވެނިތަ މިހާރު ތަހުސީނަށް ނުކުރެވިފައި އޮތީ؟”

“އަޅުގަނޑު އޭނާއާ ކައިވެނިކުރުން ވަރަށް މުހިއްމު”

“ބަލަ ތަހުސީނަށް އަޑެއް ނީވުނުތަ މަބުނި އެއްޗެއް، ތިބުނާ މީހަކާ ނީނދެވޭނެޔޭ، އަހަރުމެންނަށް އެނގޭނެ ތަހުސީނު މީހަކާ އިންނަންވީމާ، އެހެންނޫނަސް މާލޭގައި މި ޢާއިލާ ނޭނގޭ ބަޔަކު ހިޔެއްނުވޭ އުޅޭނެހެނެއް މިހާރު، ކޮންމެ ކޮންމެ އަންހެނަކު މިގެއަށް ގެންނާކަށް އަހަރުމެން ޤަބޫލުނުވާނޭކަން ތަހުސީނަށް އޮންނަންވާނީ އެނގިފައި”

ފަހަތަށް ގޮނޑިދަމާލި އަޑާއެކު ޒާހިރާ ތެދުވިއެވެ. އަދި ބަދިގޭގައި ކުރަން ހުރި މަސައްކަތް ކުރުމަށް އޭނާ އެނބުރިދާން އުޅުނީ ތަހުސީނާ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވެފައި ހުރި ހެންނެވެ.

“މަންމާ، އަޅުގަނޑު މިދައްކާ ވާހަކަ ވެސް އިހަށް އައްސަވާބަލަ، ރާއްޖޭތެރޭ ކުއްޖަކަށް ވުމަކުން ކޮބާތަ މައްސަލައަކީ، ކީއްވެތަ އަޅުގަނޑުމެންނާ އެމީހުންގެ މެދުގައި އެހާ ބޮޑު ފަރަޤެއް ހުންނަންވީކީ، އެމީހުން ވެސް ހައްދަވާފައިވަނީ އަހަރުމެންހެން، އަޅުގަނޑު ވެސް ތަނަކުން އަންހެން ކުއްޖަކު ފެނިގެންނެއްނޫން ކައިވެނިކުރަން މިއުޅެނީ، އޭނާއަށް ކިޔަނީ ފަރިޔާލު، އޭނާ… އޭނާ އިނީ… އަޅުގަނޑުގެ ދަރިއަކަށް…”

“ހުއްޓާލާ… ހަމަމިހާރު ހުއްޓާލާ… ހުރި ގޮތްކުޑަކަން… މަށަށް މިހިރީ ފިރިހެންދަރިއެއް ލިބިފައި، ގޮތެއްފޮތެއްނެތުނަސް ތީ ބޮޑުވަރު، މި ޢާއިލާގެ ނަން ބަދުނާމުކޮށް އަހަރުމެންނަށް މީހަކާ މޫނު ދިމާކޮށްލަން ނުކެރޭވަރު ކުރަންތަ ތަހުސީނު ބޭނުންވަނީ”

“ދޮގެއް ނޫނޭ މިބުނީ، އެހެންވެއޭ އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ”

“ތިޔަ އަންހެނެއްގެ ވެސް ހުރި ނުބައި ނުލަފާކަން، މިގޭ ފިރިހެންކުއްޖެއްކަން އެނގިހުރެ ގަސްދުގައި ކުރިކަމަކަށް ތިވާނީ، ކާޅުވެގެން ވިސޭ އަންހެނަކަށް ނޫނީ އޭނާ ނުވާނެ، މަގޭ ދަރިނޫންމީހަކު ނުލިބުނީތަ އެވަރުގެ ބޮޑުކަމެއް އަޅުވަން، ހަމަ މިހާރު ތަހުސީނުގެ ބައްޕައަށް މިގުޅަނީ، ތިހުރިހާ ވާހަކައެއް ކިޔައިދޭނަން”

“މަންމާ! އޭނާ އަޅުގަނޑުގެ ބޮލުގައި އެކަން އަޅުވަނީއެއްނޫނޭ، ޚުދު އަޅުގަނޑަށް ވެސް އެނގޭ އެއީ އަޅުގަނޑުގެ ދަރިއެއްކަން” ތަހުސީނު އިސްއުފުލާ ޒާހިރާއަށް ބަލަންއިނެވެ.

“ނުވާނެ ތިކަމެއް… މިބުނީނު ނުވާނެ…” ގޭތެރެއަށް ހީވީ ނަގޫރޯޅިއެއް އައިހެންނެވެ. ޒާހިރާގެ ހަޅޭކާއެކު އޭނާ ނިކުމެގެން ދިޔަ ގޮތް ވެސް ތަހުސީނަކަށް ނޭނގުނެވެ.

އިންތަނުން ތެދުވެ ތަހުސީނު ވެސް އަވަސްވެގަތީ މަންމަގެ ފަހަތުން ސިޓިން ރޫމަށް ނުކުތުމަށެވެ. އަބްދުއްސައްތާރަށް އެނގުމުން މައްސަލަ އިތުރަށް ހޫނުވާނޭކަން ތަހުސީނަށް އެނގެއެވެ. އެހެންނަމަވެސް ފަރިޔާލު އިން ހާލައިގެން އޭނާ ދޫކޮށްލާކަށް ވެސް ހިތެއް އެއްބަހެއްނުވެއެވެ.

ފޯނުގެ އަތްގަނޑު ބާއްވާލި ގޮތަށް ޒާހިރާ އެއްޗެހި ކިޔަންފެށިއެވެ. ތަހުސީނަށްވުރެ ބޮޑަށް އޭނާ އެއްޗެހި ކިޔަމުން ދިޔައީ ފަރިޔާލަށެވެ. އަޑުއަހަން ކިތަންމެ އުނދަގޫ ނަމަވެސް ތަހުސީނު އިނީ ޒުވާބުކުރަން ބޭނުންނުވެފައެވެ. ގިނައިރެއް ނުވެ ގެއަށް އައިސްވަންތަން ފެނުނީ އަބްދުއްސައްތާރެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

“މިދުވަސް ދެކުމަށްވުރެ މަރުވި ނަމަވެސް މާ ރަނގަޅުވީސް” އަބްދުއްސައްތާރަށް ބަލާލާފައި ޒާހިރާ ބުނެލިއެވެ. އަދި ތަހުސީނުގެ ވާހަކަތައް ކިޔައިދޭންފެށިއެވެ. އެކަމަކު އެ ވާހަކަތައް އޭނާގެ އަމިއްލަ ފޮނިތޮށިކާފޫރުތޮޅި އަޅަމުންނެވެ. އެކަމާ ނުރުހިފައި އިން ތަހުސީނު އެއްޗެއް ބުނަން އުޅޭ އިރަށް އަބްދުއްސައްތާރުގެ ރުޅިވެރިކަމުން ފުރިގެންވި ދެލޮލުން ބަލާލާފައި އަތުން އިޝާރާތްކުރަނީ ހިމޭނުން އިނުމަށެވެ.

ޒާހިރާގެ ވާހަކަ ނިންމާލުމުން އަބްދުއްސައްތާރު އެއްވެސް އެއްޗެއް ނުބުންޏެވެ. ސޯފާގައި އިށީނދެ ތަހުސީނަށް ބަލަންފެށިއެވެ. އޭނާއަށް އިވުނު އަޑުތަކުން އައިސްފައިވާ ރުޅި ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނޭތީ އިން ކަހަލައެވެ. މައިންބަފައިންގެ ކުރިމަތީ އެމީހުންގެ ނުރުހުމުގައި ތަހުސީނު ތެދުވަންޖެހުނު މީ ފުރަތަމަ ދުވަހެވެ. ކުރަން ބޭނުންނުވިޔަސް މަޑަކުން ނީނދެވުނެވެ. ތަހުސީނު އިން ސޯފާގޮނޑީގެ ކުރިއަށް ޖެހިލާ ވާހަކައެއް ބުނަން އަނގަހުޅުވާލާއިރަށް އެކަން އަބްދުއްސައްތާރު މަނާކޮށްފިއެވެ.

“ގެއިން ބޭރަށް ނިކުމެވޭނޭ ވަރަށް ތިހިރީ ނިކުމެވިފައި، ކުރިއަށް މިއޮތް ތިރީސްއަށްގަޑިއިރު ތެރޭ ތަހުސީނު ހުންނަންޖެހޭނީ ގޭގައި، މިގޭ ދޮރޯށިން ބޭރަށް ފިޔަވަޅެއް އަޅައިފިއްޔާ ހަނދާންކުރާތި މީގެ ފަހުން ތަހުސީނަކީ އަހަރުމެންގެ ދަރިއެއްނޫން، މިގެއާ އަހަރުމެން ދިން އެއްޗެހި ވެސް ދޫކޮށްލާފައި ދާންޖެހޭނީ ދެން ދުވަހަކު ވެސް އެނބުރި ނާންނަގޮތަށް، ތިޔަހާ ގޮތްކުޑަކޮށް އަހަރެންގެ ދަރިއަކު އުޅޭކަށް ބޭނުމެއްނޫން، ތަހުސީނު އަބަދު ބޭރުގައި އުޅޭތީ މީގެ ކުރިން އެކަމާ އެއްޗެއް ބުނެލާފައި ހުއްޓާލަނީ، އެކަމަކު ތަހުސީނަކަށް ނޭނގުނު މިނިވަންކަން ދިނީމާ ވެސް އޭގެ ބޭނުން ރަނގަޅަށް ހިފާކަށް، ތަހުސީނަށް އެނގޭތަ ކިހާ ލަދުވެތި ވާހަކައެއްކަން ތި ދެއްކުނީ…”

“އަޅުގަނޑަށް އެނގޭ… މިކަން އެންމެ އަވަހަށް ހައްލުކުރެވެން އޮތީ އަޅުގަނޑުމެން ދެމީހުން އަވަހަށް ކައިވެނިކުރުމުން”

“ޒުވާބުކުރާނެކަމެއް، ތަހުސީނުގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބައްޕަ ބޭނުމެއްނޫން، ތިބުނާ އަންހެނަކީ ރަނގަޅު އަންހެނެއްނަމަ ތިޔަފަދަ ވިޔާނުދާގޮތަކަށް ނުވެސް އުޅުނީސް، ތަހުސީނު ދާން ބޭނުންވަންޏާ ދޭ، އެކަމަކު ބައްޕަގެ ވާހަކަ ހަނދާންކުރާތި، މިގެއިން ނިކުމެގެން ދާންޖެހޭނީ ދެން އެނބުރި ނާންނަގޮތަށް، އަޔަސް މިގެއަކުން ތަހުސީނަކަށް ޖާގައެއް ނޯންނާނެ، ތި އަންހެންމީހާ ގޮވައިގެން ތަހުސީނު އުޅޭނޭގޮތަށް އުޅޭ… މައިންބަފައިންގެ ބަސް ޤަބޫލުނުކުރުމަކީ ދަރިން އަމިއްލައަށް ލިބިގަންނަ ނިކަމެތިކަމެއް، ތަހުސީނު އަމިއްލައަށް ވިސްނާލީމާ އެނގޭނެ މިއަދު ތަހުސީނަކީ މީހަކާ އިނދެގެން އުޅެވޭ ފެންވަރުގެ ޒުވާނެއްނޫންކަން، މިހާރު ވެސް ތަހުސީނުގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން މިދަނީ އަހަރެން، ތަހުސީނު ބޭނުންވުމުން ފައިސާ ގެންދަނީ… ދަތިވާ އެއްވެސް ކަމެއް ނޯވޭ، މީރުހާ އެއްޗެހި ކައިގެން އަރާމުކޮށް އަމިއްލަ ކޮޓަރީގައި ނިދައިގެން ތިއުޅެނީ، މިއަށްވުރެ ރަނގަޅު ގޮތެއް ތަހުސީނަށް ފެންނާނޭކަމަށް ހީކުރަނީތަ؟ ރާއްޖެތެރޭ އަންހެނަކާ އިނދެގެން ދެން ދާންއޮތީ އޭނާގެ ރަށަށް، އެތަނަށް ގޮސް ތަހުސީނަށް އުޅެވޭނެތަ؟ އަހަރެން ފައިސާ ދީފާނަން، އެ ފައިސާ އެ އަންހެންމީހާއާ ހަވާލުކުރޭ… ބުނޭ އޭނާ އިން ހައްޔަރުން އަމިއްލައަށް ނެއްޓި މިނިވަންވާށޭ، އެކަމުގެ ހުރިހާ ޚަރަދެއް ކުރެވޭވަރަށް އަހަރެން ފައިސާ ދޭނަން، އެކަމަކު މިހިސާބުން އެއަންހެންމީހާއާ އޮތް ގުޅުން ނިމުނީ، އަހަރެން ދުވަހަކު ވެސް ޤަބޫލެއް ނުވާނަން އޭނާއާ ތަހުސީނު އިންނާކަށް، އަދި ތަހުސީނުގެ ބޮލުގައި އެކަން އޭނާއަކަށް ނުވެސް އެޅުވޭނެ…”

އައި ރުޅީގައި ތަހުސީނަށް ވެސް މަޑަކުން ނީނދެވުނެވެ. ފުންމައިގެން ތެދުވެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓި ފަހަތަށް އެނބުރި އޭނާގެ މައިންބަފައިންނަށް ބަލާލިއެވެ.

“މިއަދު އަޅުގަނޑަކީ އަންހެންކުއްޖެއްނަމަ ބައްޕަމެން ކަންތައްކުރައްވާނީ ހަމަތިހެންބާއޭ ހިތަށްއަރާ، އޭނާއަކީ ކޮންމެ ކަހަލަ އަންހެނަކަށް ވިޔަސް އޭނާގެ ބަނޑުގައި މިހާރު އެވަނީ އަޅުގަނޑުގެ ލޭ… އެކަން އެނގެންވާ ފަރާތަށް އެނގޭނެ، އެ އަންހެންކުއްޖާއަކީ ވެސް މީހެއްގެ ދަރިއެއް… އޭނާ ވިޔާނުދާވެ ގޮތެއްފޮތެއްނެތްނަމަ އެހެން އުޅެން ޖެހުނީ އަޅުގަނޑާ ހެދި”

“ތަހުސީނު…” އަބްދުއްސައްތާރުގެ އަޑު މުޅިގޭގައި ގުގުމައިގެން ދިޔައެވެ. އޭނާއަށް ފަރުވާލެއްނެތި ތަހުސީނު ގޮސް ކޮޓަރިއަށް ވަނެވެ.

“ޒާހިރާ، އޭނާ މިގޭ ދޮރޯށިން ބޭރަށް ފިޔަވަޅެއް އެޅިޔަ ނުދޭތި، ލާހިކެއްނޫން އެއަންހެނާ ކައިރިއަށް ދާކަށް، ފިސާރި ޗާލޫކީކަން ހުރި އަންހެނެއްކަން ޔަޤީން، އެހެންނޫނީ މިއަދު އަހަރުމެންގެ ކުރިމަތީ ތަހުސީނަށް ބަހެއް ވެސް ބުނާން ނުކެރުނީސް، ފެނިއްޖެއެއްނު އެއަންހެންމީހާގެ ދިފާއުގައި އޭނާ ވާހަކަދެއްކި ގޮތް… ލާހިކު ކުޅަދާނައެއްނޫން މަގޭ ދަރިއާ އިންނާކަށް، އަމިއްލައަށް ދުނިޔެއަށް ބޭޒާރުވަންޏާ ވާންވީ… ނޫނީ އިންނާނެ އެހެން ފިރިހެނަކު ހޯދާ…” އައިސްފައި ހުރި ރުޅީގައި އަބްދުއްސައްތާރުގެ އަޑު ވެސް ތުރުތުރު އަޅަމުން ދިޔައެވެ.

“މިހިސާބަށް ކަންތައް ހިނގައިދާނޭ ކާކު ހީކުރާނީ، ތަހުސީނު އެހުރީ ހަމަރަނގަޅަށް ވެސް ވާވަދެފައި، އެ އަންހެނަކާ ޖެހި މުޅި ކުއްޖާ އެހުރި ހަލާކުވެފައި، އޭރު ވެސް މަށަށް އެނގޭ ރާއްޖޭތެރޭ އަންހެންކުއްޖެކޭ ބުނާއިރު ރަނގަޅެއް ނުވާނޭކަން، ބިރުގަންނަނީ އެކަހަލަ އަންހެނުން ކައިރިން ފަސޭހަ ރަޙުމަތެއްގައި ސަލާމަތް ނުވެވޭނެތީ” ކޮޓަރި ދޮރުހުޅުވާލައިގެން ހުރި ތަހުސީނަށް އަބްދުއްސައްތާރާއި ޒާހިރާގެ ވާހަކަ ސާފުކޮށް އަޑުއިވުނެވެ.

މާޔޫސްވެފައި ހުރެ ތަހުސީނު ދޮރުފަތް ލައްޕާލާފައި އައިސް އެނދުގައި އިށީނެވެ. އެއްއަތުން ނިތުގައި ހިފަހައްޓާލަމުން ލޯމަރާލިއެވެ. ހީވީ ގަދަ ރިހުމެއް ބޮލުގައި އުފެދިގެން ގެނައި ހަރަކާތެއް ހެންނެވެ.

އެނދުގައި އެތައް އިރަކު ތަހުސީނު އޮތެވެ. މެންދުރު ކާކަށް ހަވީރު ސައިބޯކަށް އޭނާ ނުނިކުމެވެ. އިރުއޮއްސެން އުޅެނިކޮށް އޭނާގެ ކޮޓަރީގައި ޓަކި ޖަހާލުމެއްނެތި ޒުބައިރު އައިސް ވަނެވެ. އޭރު އުއްޑުން ނިތުގައި އެއްއަތް ބާއްވާލައިގެން ތަހުސީނު އޮތެވެ. އޭނާގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނެއްކަމަކު ޒުބައިރު ފެނުމުން އަޅާނުލާ އޮތްގޮތަށް އޮތީއެވެ.

“ތަހުސީނު ކީއްތިކުރީ؟ އެހިސާބަށް ދިޔައިރު ސިކުނޑި ކޮބާތަ؟ ކައިވެނިނުކޮށް ތިބެ އަންހެނަކާ ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރާނަމަ ނިކުންނާނީ މިކަހަލަ ނަތީޖާއެއް، އެހެންވެ އޭރު ވެސް އަހަންނަށް ބުނެވުނީ ކައިވެންޏެއް ކުރަން ނޫނީ ބައިވެރި ހޯދުމުގައި ނޫޅޭށޭ”

ޒުބައިރުގެ ވާހަކަ ތަހުސީނަށް އަޑުނީވޭ ކަހަލައެވެ. އޭނާ އަނގައިން ވެސް ނުބުނެ ހަރަކާތެއް ވެސް ކޮށްނުލާ އޮތްގޮތަށް އޮތީއެވެ. ދެން ވެސް ޒުބައިރު ހުއްޓައެއްނުލިއެވެ. ތަހުސީނަށް އެއްޗެހި ކިޔުމުގައި އޭނާ ހުއްޓެވެ.

“އަހަންނާ ވެސް ވާހަކަނުދައްކަންތަ ތިއޮންނަނީ” އިރުގަނޑެއް ފަހުން މަޑުމައިތިރި ގޮތަކަށް ޒުބައިރު އަހާލިއެވެ.

“އަހަންނަށް ކުރެވުނު ކަންތަކާ ދެރަވިޔަސް ވާނޭކަމެއް މިހާރަކުނެތް، އަހަރެން ޤަބޫލުކުރަން އަހަރެންގެ އިހުމާލު މިކަމުގައި އޮތްކަން… ބައްޕަ ވެސް އެ ބުނީ ދޮގުވާހަކައެއްނޫން… އަހަރެން މިހާރު ގޮސް ފަރިޔާލާ ކައިވެނިކުރިޔަސް އަހަރެންގެ އަތުގައި ފަރިޔާލަށް ދޭން ލޯ ލާރިއެއް ވެސް ނެތް، މަސައްކަތެއް ކުރަން ފެށުމާމެދު މީގެ ކުރިން އެއްފަހަރު ވެސް ވިސްނައެއްނުލަން، ބައްޕަގެ ނިންމުން ބަދަލެއްނުކުރާނެ، އަނެއްކޮޅުން އެ ނިންމުން އެހެންގޮތަކަށް ބަދަލުވިޔަކަ މަންމަ ނުދޭނެ… މަންމައަށް ވެގެން މިގޭ ހަތަރުފާރުގެ ތެރެއަށް ވަދެވޭނީ ރަނިންނަށް، އާދައިގެ ނިކަމެތިންނަށް މިގޭ ދޮރޯށި ހުންނާނީ ބަންދުކުރެވި ބޮޑުތަޅުއަޅުވާފައި” ސީލިންގުއާ ދިމާއަށް ބަލަހައްޓައިގެން އޮވެ ތަހުސީނު ވާހަކަދެއްކިއެވެ.

“ތަހުސީނު، އަހަރެން އިތުރަށް ދޭނޭ ނަޞޭޙަތެއް ދެނެއްނެތް، އެކުގައި ދެމީހުން ޒުވާނުންނަށް ވެފައި މިތިބީ، އަހަރެން އަބަދު ތަހުސީނަށް ހަނދާންކޮށްދެއްމުން މިއައީ ސައްތާރުބެ އާއި ޒާހިރައްތަގެ ހަރުކަށިކަމާ ގޮތްދޫނުކުރުމުގެ އާދަކާދަތައް މަތިން، ހަޤީޤަތުގައި އަހަންނަށްވުރެ ބޮޑަށް ތަހުސީނު ވިސްނަން ޖެހޭނެ އެކަމާ… ހަޔާތަށް ބައިވެރިއަކު ޚިޔާރުކޮށްގެން މައިންބަފައިންގެ ނުގަބޫލުގައި އުޅެންޖެހުމަކީ ފަސޭހަކަމަކަށް ނުވާނެ، އަދި އެވެސް މާލޭގައި ކިރިޔާ ނަމެއްއޮތް ޢާއިލާއަކު… ތަހުސީނު ފުރައިގެން ދިއުމުން އަހަރެން ގަސްދެއްނުކުރަން މިގޭގައި އިތުރަށް ހުންނާކަށް، އަހަރެންގެ މައިންބަފައިންގެ ގާތަށް އެނބުރި ދާން މި ވިސްނަނީ… އެކަމަކު އަހަރެންގެ ފުށުން އެހީތެރިކަމެއް ދުވަހަކު ބޭނުންވިޔަސް އަހަންނަށް ވެވެން އޮތްގޮތަކުން އެކަމެއް ތަހުސީނަށް ކޮށްދޭނަން”

އެނދުގެ މަގަތުގައި އިށީނދެލައިގެން ތަހުސީނާ ވާހަކަދައްކަން އިނދެފައި ޒުބައިރު ނުކުމެގެންދިޔައެވެ. އެހިނދު އެނދުގައި އޮތް ތަހުސީނަށް ކޮޓަރީގެ ދޮރުމަތިން ޒުބައިރު އާއި ޒާހިރާ ވާހަކަދެއްކި އަޑުއިވެނެ. އަވަސްއަވަހަށް ނިތްކުރިމަތީ ކަނާތުއަތް ބާއްވާލާ އެ އަތުން ދެ ލޯ ފޮރުވާލިއެވެ. އަދި އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން މޭމަތީ ވައަތް ބާއްވާލައިގެން އޮތީ ޒާހިރާ ވަދެދާނޭ ހީކޮށްފައެވެ.

* * * *

ރިންގުވާންފެށި ފޯނާއެކު ތަހުސީނަށް ހީވީ ފުންނިންޖެއްގައި އޮވެފައި ލޯ ހުޅުވާލަން ޖެހުނުހެނެވެ. މާޒީގެ ދުނިޔޭގައިވަނިކޮށް ނޭނގޭ ބާރަކުން އޭނާ ހަޤީޤީ ދުނިޔޭގެ ތެރެއަށް ދަމައިގަތް ކަހަލައެވެ. ލޯ ހުޅުވާލާފައި ފޯނަށް ބަލާލިއެވެ. ގަޑިން ވީއިރަކާ މެދު ވެސް ވިސްނާލެވުނީ ދެނެވެ. އެތައް އަހަރުތަކަކަށްފަހު ތަހުސީނުގެ ހިތާއި ސިކުނޑީގައި ވަޅުޖެހިފައިވާ އަލަތު ލޯބި ތިލަވެ އޭގެ އަސަރުން މީހާ ބަނދެލައިފިއެވެ. ފަރިޔާލުގެ ޚިޔާލުތައް އާވެގަތީ ފްލައިޓުން ފެނުނު އަންހެންމީހާގެ ސަބަބުންކަން ތަހުސީނަށް އެނގެއެވެ. އޭނާގެ ހިތް އެދޭ ފަދަ ޚާއްޞަގޮތެއް އެ އަންހެންމީހާގެ ގައިގާ އެބަހުއްޓެވެ. ނަމަވެސް މިހާރު އަމިއްލަ ސިކުނޑިއާ އޭނާއަށް ސުވާލުކުރެވެއެވެ. އަދިވެސް ހިތުގައި ފަރިޔާލަށްޓަކައި އޮތް ލޯބި ނުފޮހެވެނީހެއްޔެވެ. ރޭޝްމާ ފެނުމުން ފަރިޔާލުގެ މަތިން ހަނދާންވީ އެހެންވެއެވެ. ރިންގުވަމުން ދިޔަ ފޯނަށް ތަހުސީނަށް ޖަވާބުދެވުނީ ދިރިއުޅުމުގެ އެތަކެއް ފިކުރުތަކެއްގައި ހުރެއެވެ.

* * * *

ފިކުރުކޮށްކޮށް އިނާޔާ ވަރުބަލިވެއްޖެއެވެ. އެހެންނަމަވެސް އަޅާނުލާ ހުރުމަކީ މައިލަނގޮޑިއަށް ކެތްކުރެވޭވަރު ކަމަކަށް ނުވެއެވެ. ޖަޒްލާގެ އުޅުމާމެދު ހިތްހަމަނުޖެހި އެއްޗެހި ކިޔުނު އަދަދު ދެނެވޮޑިގެންވާނީ ވަށައިގެން ވާ ކާއިނާތުގެ ވެރިފަރާތެވެ. ދުލާއި ރޭގަނޑެއް ހުސްވެގެންދާއިރު ހުރި ހަމައެކަނި އަންހެންދަރިފުޅަށް ނަސޭޙަތްދީ ދީ އިނާޔާގެ ދުލުގައި ފޮޅުލާވަރުވެއްޖެއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. ރުޅި އައިސްގެން ގޮސް ބައެއްފަހަރު އަމިއްލަ ދަރިފުޅުގެ ގައިގާ ބޮނޑިއެއް އަޅަން ވެސް އިނާޔާ ހިތަށް އަރައެވެ. އެކަމަކު އޭނާއަކީ އެއްވެސް އިރެއްގައި ދަރިންނަށް އަނިޔާކުރި މައެއްނޫނެވެ. ފަހަރެއްގައި އޭނާއަށް ލިބެމުންދިޔަ އަނިޔާތަކުގައި އަލިކަމެއްނެތް ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުން ދަނިކޮށް އަލިކަމުގެ ނަރެއްހާ މިންވަރު ވެސް އެ ދުވަހު ލިބިގެންދިޔައީ ދަރިންގެ ގާތުންކަމަށް ވީމައެވެ.

“އަހަރެން އިނާޔާއަށް ދެރަގޮތެއް ނުހަދާނަން، ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ އަޖަލު ޖެހިއްޖައުމަށްދާން އަހަރެން ހުންނާނީ އިނާޔާގެ ފިރިއެއްގެ ގޮތުގައި… އެހެންވީމަ މިބުނީ… ދެން ތިހާ ވަރަށް ފިކުރުނުކުރެވޭ، އަބަދު ފިކުރުކުރުމަކީ ވެސް ބަލިތަކަށް މަގުފަހި ކުރުވާނޭ ކަމެއް، އަހަރެންގެ އަމިއްލަ އަންހެން ދަރިއަކު ހުރި ނަމަވެސް އަހަންނަށް ހީވަނީ ޖޭޒް އެއުޅޭހެން އުޅޭނީ… އެ ދަރިފުޅު ބޭނުން އެއްޗެއް އަހަންނަށް ހޯދައިދެވޭނެ….”

“ޚަރަދު ނުކުރާށޭ މަށެއްނުބުނަން، އެކަމަކު ކާމިލު… ހައްދެއް ވެސް ކަނޑައެޅިފައި އޮންނަންވާނެ ދޯ… އަހަންނަކީ ވިޔަފާރީގެ ކަންތައްތަކުގައި އުޅޭ މީހަކަށް ނުވިޔަސް އެއްޗެއްގައި އޮންނަ އެއްޗެއް ކިޔާލަން އެނގޭވަރުވާނެ، ޖަޒްލާގެ އެންމެފަހުގެ ކުރެޑިޓު ބިލު އަހަރެން ދުށިން…. މިހާރު އޭނާ އެހުރީ އަހަރެން ބުނާ ބަހެއް އަހާވަރަށްވުރެ ހައްދުފަހަނައަޅާފައި… އަހަންނަށް އެނގޭ ކާމިލު އަހަރެންގެ ތިބި ދެކުދިން ދެކެ ވެސް ލޯބިވާކަން، އަހަރުމެންގެ އަންހެންދަރިފުޅު ނުބައިމަގުން ދިއުމަށް މަގުފަހި ކޮށްދެވެނީ ހަމަ އަހަރުމެންނަށް…. ތިން ހަތަރުދުވަސް ރިޒޯޓުގައި އުޅެފައި އަންނައިރު އެތަނުގައި އުޅެނީ ކޮންބަޔަކާއެކު ކިހިނެއްކަމެއް ވެސް އެނގެނީއެއްނޫން، އަނެއްކޮޅުން އީތަންއާ ރައްޓެހިވެގެންނޯ އުޅެނީ، އެކަމަކު މިހާރަކަށް އައިސް ޖަޒްލާއާއެކު އަބަދު އުޅޭތަން ފެންނަނީ ކައިލަން…. އެހާ ޒުވާން އުމުރުގައި އެގޮތަށް ފިރިހެންކުދިންނާ ގައިގޯޅިކޮށް އުޅެންވެއްޖެނަމަ ރަނގަޅުކަމެއް ނުވާނެ”

“އިނާޔާ، މިހާރުގެ ކުދިންގެ މެދުގައި ރައްޓެހި ރަޙުމަތްތެރިކަން ވެސް އޮންނަނީ އެހެން، ދެ ޖިންސުގެ ޒުވާނުން މަސްހުނިނުވާ ގޮތަށް އެއްކަމެއް ވެސް ކުރިއަކަށް ނުދާނެ… އެކަން ޤަބޫލުކުރަން ޖެހޭނީ އަހަރުމެންނަށް، އަހަރުމެންގެ ޒުވާން އުމުރުގައި އުޅޭހެނެއް މިހާރުގެ ކުދިންނެއް ނޫޅޭނެ”

“އެހެންވިޔަސް ހެޔޮ، ކާމިލު ވާހަކަދެއްކީމާ ޖަޒްލާ އަޑުއަހާނެ، އީތަން މިހާރު އެއްކޮށް ބަދަލުވެއްޖެ، އެކުއްޖާގެ ގައިގާ މިހާރު ވަރަށް ހަރުދަނާ ވައްތަރުޖަހާ… އަހަންނަށް ފެންނަނީ އީތަންނާއި ޖަޒްލާ އަވަހަށް ކައިވެނިކުރުވަން، އީތަންއަކީ އޭނާގެ މަންމަދެކެ ވަރަށް ލޯބިވާ ކުއްޖެއް، ހިޔެއްނުވޭ އޭނާ މަންމައާ ވަކިވާނެ ހެނެއް… ޖަލާލު ވެސް ބުނޭ އެގޭ އެންމެން އެންމެ ލޯބިވާ ކުއްޖާއޭ އެއީ… ފަހަރެއްގައި އީތަންއާ އިނދެގެން އެގެއަށް ޖަޒްލާ ދިއުމުން މިހާރު އެ ހުންނަ ފީކަޅާގޮތްގަނޑު ކެނޑިދާނެހެން ހީވޭ… ކާމިލު އަޅެ ޖަޒްލާގެ ގާތުގައި އަހާލަންވީނު ކޮންއިރަކުންތޯ ކައިވެނިކުރަން ވިސްނަނީ….”

“ދެން މާދަމާ ތިކަމާ ވާހަކަދައްކާނީ، ހިނގާބަލަ ކާއެއްދޭން… މިހާރު އިޝާނަމާދުކޮށްގެން އައިތާ ވެސް ކޮންއިރެއް؟ އިނާޔާ ފިކުރުބޮޑުވެފައި އިންނާތީއޭ މިހެންމިވީ… ވަރަށް ބަނޑުހައި ވެސް ވެއްޖެ” އެނދުގައި އިށީނދެލައިގެން އިން ކާމިލު ތެދުވުމުން އިނާޔާ ވެސް އޭނާގެ ފަހަތުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ސިޓިންރޫމުގެ ސޯފާގައި ޖަޒްލާ އިނީ ފޯނުން ވާހަކަދައްކާށެވެ. ޝަކުވާކުރަމުން އިރުއިރުކޮޅާ އީތަންގެ ނަމުން ގޮވާލައެވެ. ކޮންމެވެސް ކަމަކާ އޭނާ އިނީ ހިތްހަމަނުޖެހިފައެވެ. ގިނައިރެއްނުވެ ތުންއަނބުރާލާފައި ދެބުމަކައިރިކޮށް ލޯ އަޅާލުމާއެކު ފޯނުކޯލު ކަނޑާލައިފިއެވެ.

“ހަމަ ދާނަން ކައިލަންއާއެކު… އެހެންނޫނީ ސައިކަލެއް ވިޔަސް ގަތީމަ ނިމުނީނު، އަހަރެން ދުއްވާލަން ނުލާހިކު ބޭނުންވެފައި މި އިނީ” އަމިއްލައަށް ކުދި ކިޔާލާ އުސޫލުން ޖަޒްލާ ވާހަކަދެއްކިއެވެ. ކައްޓެއްހެން ސޯފާއިން ތެދުވުމާއެކު ނިކަން ހަލުވިކޮށް ސިޑިން އަރައިގެން އޭނާ ދިޔައީ ކޮޓަރިއާ ދިމާއަށެވެ.

* * * *

“ތިވަރު ވަންޏާ ކަލޭމެން ދެމީހުން ބްރޭކްއަޕްވާންވީނު” ފާރަށް ދެފައި ނަގައިގެން ބަނޑުމަތީ ކަހަލަ ގޮތަކަށް ލެޕްޓޮޕް ބާއްވާލައިގެން އެނދުގައި އޮތް ޝައުން ބުނެލިއެވެ. އޭރު އެނދުގެ އެއްފަރާތުގައި އީތަން އުއްޑުން އޮށޯވެލައިގެން އޮތެވެ.

“ހުރިހާ ވެސް ކަމަކީ އެ ކައިލަންގަނޑު، މަށަށް ބައެއްފަހަރު ހީވޭ އޭނާ ބޭނުންވަނީ އަހަރުމެން ދެމީހުން ބްރޭކްއަޕްވާންހެން ވެސް… މަށެއް އޭނާއަކަށް ޖޭޒްއެއް ދުލެއްނުކުރާނަން…”

“ޖޭޒްގެ އަޅެއްހެން އުޅެން ވެސް އޯކޭ ދޯ އޭނާއަށް ދޫކޮށްލުމަށްވުރެން، ތީގަ އީތަންއަށް ލިބޭނެ ހެޕިނެސްއެއްނެތެއްނު، މަ ނަމަ މިހާރު އެހެންކަމެއް ކުރަން ފަށައިފީމުސް، ތިވަރަކުން ނޫޅެވޭނެ އަންހެނުންގެ ފަހަތަކުން…”

“ޝޯން، އަހަންނަށް ވެސް ނޭނގެ ވާގޮތެއް، ބައެއްފަހަރު ހިތަށް އަރާ ޖޭޒްއާ އެއްކޮށް ނޫޅެވޭނެއޭ، އެކަމަކު އަނެއްބައި ފަހަރަށް ހިތަށް އެވާގޮތެއް ނޭނގެ ބުނާކަށް… އައި ތިންކް އައި ރިއަލީ ލަވްހާ…. އެހެންނޫންނަމަ މިހާ ގިނަދުވަހު މިގޮތަކަށް ނޫޅެވުނީސް… ސަޅި ކުދިން ފެނޭ، އެކަމަކު ހަމަ އިންޓްރެސްޓު ނުހުންނަނީ”

“އެހެން އަންހެނުން މަތިން ފޫހިކުރުވާވަރު ކޮންކަމެއް ޖޭޒްކޮށްދީގެން ތިއުޅެނީ… މަށަށް އަޕްޑޭޓު ވެސް ނުދެމެއްނު” ލެޕްޓޮޕު ވަގުތުން ލައްޕާލުމާއެކު ޝައުންގެ ސަމާލުކަން އީތަންއަށް ހުއްޓާލިއެވެ.

“ކަމެއްކޮށްދީގެންނެއްނޫން”

“ނުކުރާނަން ޤަބޫލެއް، އީތަން ބުނީ ވެސް އެގެ ވަރަށް ފްރީއޭ، ޖޭޒްގެ ކޮޓަރީގައި ކިތަންމެ އިރަކު ތިއްބަސް މީހަކު އުނދަގުލެއް ނުކުރެއޭ… އެހެންވީމަ ކިހިނެއް ޤަބޫލުކުރާނީ… ބުނޭ… ކަލޭމެން ދެމީހުން ސިއްރު ކަމެއްކޮށްލީ ދޯ” ލާނެތް ހިނިތުންވުމަކާއެކު ޝައުން ބުނެލިއެވެ.

“މަމީ ޝޯންއެއްނޫނޭ… އަހަރެން އެއަށްވުރެ ޖޭޒްދެކެ ލޯބިވެޔޭ މިބުނީނު، އަދި އެހާ ކްލޯޒް ރިލޭޝަންޝިޕެއް ބާއްވާކަށް ބޭނުމެއްނޫން، އަނެއްކާ ޖޭޒްއާ މެރީކުރަން ވިސްނާއިރު އަދި އަމުދުން ބޭނުމެއްނޫން އެކަހަލަ ކަޑަކަމެއް ކުރާކަށް” އީތަން ވަރަށް ވިސްނަމުން ވާހަކަދެއްކިއެވެ.

“ތިހެން ބުނާނެ، އަދި ތިއުޅެނީ އަންހެނެއްގެވަރު ނޭނގިގެން… ޖޭޒްއާ ދެމީހުން ނުގުޅިގެން ވެސް ތިއުޅެނީ ތިޔަހެންވެގެން، އެންޖޯއިކޮށްލުމަކުން ކޮބާ މައްސަލައަކީ… އޭތް! ޖޭޒް ބަހައްޓާފައި ވިޔަސް އެހެން ދިމާއަކުން ކުރިމަތިލާންވީނު…”

“ޖޭޒްއަށް ޗީޓުކުރާށޭތަ ތިބުނަނީ. ކަމޯން ޝޯން… އަހަންނަކީ އެކަހަލަ މީހެއްނޫންކަން އެނގޭނެ ތިހެން ބުނާއިރު ވެސް”

“އަބަދު ތިހުންނަނީ ޓެންސްވެފައި، ތި ލޯބިވާ ޖޭޒުއަކާ ދެމީހުން ކަމަކީ ޒުވާބުކުރުން… މަށަކަށް ނޭނގުނު ތީ ކޮންކަހަލަ ލޯއްބެއްކަމެއް، ތިބުނާ ކައިލަންއަކާ ޖޭޒު ދުރުނުވާންވީ ސަބަބެއް ވެސް މަށަކަށް ނުވިސްނުނު… އީތަންދެކެ އޭނާ ލޯބިވަންޏާ އޭނާއަށް ވެސް ވިސްނޭނެ ދޯ… ނޫނީ އީތަން ޖެލަސްކުރުވަން އޭނާ ބޭނުންވަނީ، އީތަން ވެސް ތިހުންނަނީނު އޭނާ ދައްކާހާ ތުޔެއް ބަލަން، އެހެންނުވާނީ! ދުނިޔެމަތީން އަންހެނުން ހުސްވީ ވިއްޔާ… އީތަން މިހާރު ވަރަށް ޗޭންޖު އިނގޭ. ބޯރިންގ މީހެއްތީ”

ޝައުންގެ ވާހަކަތަކަށް އީތަން ވަކި ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް އޭނާ އޮތްގޮތުން ހީވަނީ ޝައުންގެ ވާހަކަތަކާމެދު އޭނާ ވިސްނަމުން ދާހެނެވެ. އޭނާއާ ޖަޒްލާ ދިމާވިފަހުން ހުރިހާ ހިތްހަމަޖެހުމެއް ގުޅިގެން ދިޔައީ ޖަޒްލާއާއެވެ. އެހެންގޮތަކުން އުފާވެރިކަމެއް ހާޞިލުވެދާނޭ ކަމާމެދު އެއްފަހަރު ވެސް އީތަން ވިސްނާލަން މަސައްކަތެއް ނުކުރެއެވެ. އޭނާގެ ދިރިއުޅުން ފާޑަކަށް ޖަޒްލާއާ ހަމައިން ހުއްޓިފައި އޮތް ކަހަލައެވެ.

“އެއްޗެކޭ ނުބުނީ ތެދެއްވީމާތަ؟” ޝައުންގެ ވާހަކަތަކަށް އީތަން ރައްދު ނުދިނުމުން ބުނެލިއެވެ.

“ވަކި އެހެންނެއް ވެސް ނޫން، އެތައް އަންހެންކުދިންނެއްގެ ތެރެއިން އަހަރެންގެ ހިތްކީ ހަމައެކަނި އަންހެންކުއްޖަކީ ޖޭޒް، އަހަރެން އެމީހަކާއެކު ދިރިއުޅުމެއް ފަށަން ވިސްނާ މީހަކީ ވެސް އެއީ… މައްސަލަ ޖެހުމަކީ އަދި އެހެންކަމެއް…”

“މައްސަލަޖެހުމީ ދިރިއުޅުމުން ހަމަނުޖެހޭނެކަމުގެ ފުރަތަމަ އިޝާރާތް… މިހާރު ތިއުޅޭ ގޮތް އަހަންނަށް އެބަ ފެނޭ، ދެން އަދި ކަލޭމެން ދެމީހުން ކައިވެނިކޮށްފިއްޔާ ވާނީ ކިހިނެއް؟”

އީތަންއަށް އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވިގެން އުޅެނިކޮށް ޝައުންގެ ވާހަކަތަކުން އޭނާ ހުރަސްއެޅިއެވެ. ޝައުންގެ ކުރިމަތީ ޖޭޒް ދިފާއުކުރަން އީތަން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ އާއި ޖަޒްލާއާ ދެމެދުގައި އޮތް ގުޅުމާ ގުޅިގެން ދެއްކޭނޭ ހަރުދަނާ ވާހަކަތަކެއް ނެތެވެ. ޝައުންގެ ވާހަކަތަކުގެ ހަޤީޤަތަކީ އެއީ އެވެ. އެހެންވެ އިތުރަށް ޖަދަލުކުރާކަށް އީތަން ބޭނުމެއްނުވިއެވެ. އެހިސާބުން އޭނާ ޖަޒްލާގެ ވާހަކަ ހުއްޓާލީއެވެ.

“ވީކަންޑްގައި އަހަންނާއެކު ހިނގާބަލަ ތަނަކަށް ޖައްސާލަން” އެނދުން ތެދުވެ ލެޕްޓޮޕް ހިފައިގެން އައިސް ކޮޓަރީގައި ހުރި މޭޒުމަތީ އެ ބަހައްޓާފައި އެނދުމަތީ އޮތް އީތަން ބަލާލަމުން ޝައުން ބުނެލިއެވެ.

“އަހަރެން ނޫނެކޭ ބުންޏަސް ތީ ޤަބޫލުކުރާނެ މީހެއްނޫން، އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް ކަލޭ ބޭނުންކަމެއް ކުރާނެކަން އެނގޭ…” އެނދުން ތެދުވެ ބޭރަށް ދެފައި އެލުވައިލައިގެން އިށީނދެ އިން އީތަން ބުނެލިއެވެ. އޭރު އޭނާ އިނީ ފާޑެއްގެ ހިންޏެއް އައިސްފައެވެ.

“ދާނަން ދޯ… ސަޓަރޑޭ ހަވީރު ހުންނާނީ މާލޭގައި، އޭރުން އީތަންގެ އޮފީހަށް ވެސް ދައްޗެއް ނުވާނެއެއްނު”

“ކޮންތާކަށް ދަނީ؟ ރިސޯޓަކަށްތަ؟ ޖޭޒް ގޮވައިގެންތަ ދާންވީ..”

“ތި ޖޭޒުއެއް ހުރިތަނެއްގައި ބަހައްޓަ ބަލަ… މީ އަހަރުމެން ދެމީހުން އެކަނި އަޅާލާ ކަހަލަ ދަތުރެއް. އެނގޭތަ، އެފް.ބީއިން ދިމާވިއެއްނު ރިޒޫއެއް، ކުރީކޮޅުގައި ވަރަށް ވާހަކަނުދައްކާން އުޅެފައި މިހާރު އޯކޭ ވެއްޖެ، މިހާރު ބައްދަލުކުރަން ވެސް ހުރީ ތައްޔާރަށް… އިހަށްރޭ ވައިބަރއިން ވީޑިއޯ ކޯލެއް ވެސް ކޮށްލައިފިން… ހުތުރު މަންޖެއެއްނޫން، އަހަރެން ފެނުނީމަ އޭނާ މިހާރު ހުރީ އަހަންނާ ބައްދަލުކުރަން ބޭނުންވެފައި، މިތާ ކައިރީ ރަށެއްގެ ކުއްޖެއް އެއީ… މީ މިއުޅޭ އަންހެނުންނަށް ވާ ވަރަކީ… އަދި ބުރުގާ ވެސް އަޅާފައޭ ހުންނަނީ… އެކަމަކު މަށަށް މިހާރު ވެސް އެނގޭ އެ ރިޒޫއަކަށް މަ ފެނިގެން ލައްކަ ވަރު ވެއްޖެކަން…. ހެ ހެ ހެ ހެ….”

“ޝޯންގެ އިހުގެ ދިރިއުޅުން ފެށުނީ ދޯ… ކަލޭ ނުވާނެ ބަދަލެއް” އީތަން ދެފަރާތަށް ބޯހޫރާލިއެވެ. ހަމަ އެއާއެކު ހޭންފެށިއެވެ. އޭނާއަށް ޝައުންގެ ވާހަކަތައްވީ މަޖާ ވާހަކަތަކަކަށެވެ.

“ބައްޕައަށް އެނގިދާނޭތީ ބިރެއް ނުގަނޭތަ؟” އީތަން އަހާލިއެވެ.

“ބައްޕައަށް އެނގިގެންނު އެއްޗެއް ބުނެވޭނީ، އެހެންނޫނަސް މަ އެއަށްވުރެ ވަގުވާނެ… މިހާތަނަށް އެއްވެސް ކަމެއް ފަޅާއަރާފައި އެބައޮތްތައް، އީތަން އެނގޭ ކަންތައްތަކުގައި ސުވާލު އުފައްދަނީ މިހާރު މަށަށް އިތުބާރު ނެތީތަ؟ އަދި ތިއެއްނޫނޭ، ބައްޕަ އަތުން ދަތުރުގެ ޚަރަދު ހޯދަން ޖެހޭނެ” ލާނެތްގޮތަކަށް ހިނިއައިސްފައި ހުރެ ޝައުން ބުނެލިއެވެ.

“ދަރިފުޅާ… ޝައުން… ދަރިފުޅާ، އީތަން ގޮވައިގެން އާދޭ ކާން، ހުރިހާ މެންބަރުންހެން މިހާރު ހަމަވެއްޖެ” ޝައުންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާ ލަމުން އެތެރެއަށް ވަން މީޒާ ބުނެލިއެވެ.

“ލައްބަ މަންމާ” ނިކަން އަވަހަށް ޝައުންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލުމާއެކު އޭނާގެ މަންމައާ ވާހަކަދެއްކީ އަދަބުވެރިކަމާއެކުއެވެ. އެކަން ޝައުންގެ ހުރިހާ ހަރަކާތަކުން ވެސް ފެނިގެން ދިޔައެވެ.

އީތަން ގޮވައިގެން ކާކޮޓަރިއަށް އައިސް ޝައުން ވަނެވެ. ބުރިބުރިއަށް ހަދާފައި ހުރި އެގޭގައި ރޭގަނޑުގެ ކެއުން ހަމަޖެހިފައި އޮންނަނީ ޝައުންގެ ކާފަ އާއި މާމަ ދިރިއުޅޭ ބައިގައެވެ. ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނަކުން ފެނިގެންދާ ވަގުތަކަށް އެ ވަގުތު ވެއެވެ. ކާމޭޒު ދޮށުގައި އިން ޝައުންގެ ބޮޑުބޭބެ ފެނިފައި އޭނާގެ ލޮލުން އާދަޔާ ޚިލާފު އުފާވެރިކަމެއް ވިދާލިއެވެ.

“އީތަން ވެސް އެބައުޅެންތަ؟ މާމަ އާއި ބައްޕަގެ ހާލަކީ ކޮބާތަ؟” މޭޒު ދޮށުގައި އިން އެންމެ ދުވަސްވީ މީހާ އަހާލިއެވެ.

“އިރާދަކުރެއްވިއްޔާ އެންމެންގެ ހާލު ވެސް ރަނގަޅު” ޖެހިލުންވެފައި ހުރި ގޮތަކަށް އީތަން ޖަވާބުދިނެވެ. އަދި ޝައުންއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ތަހުސީނު ދޮންބޭ… ކޮންއިރަކު މާލެ ދުރުވީ؟” މޭޒުގެ އަނެއްފަރާތުގައި ޝައުންގެ ބައްޕައާ ކުރިމަތިވާގޮތަށް އިން ތަހުސީނަށް ބަލަން އިނދެ ޝައުން އަހާލިއެވެ.

“ހެނދުނު…” ހިނިތުންވެލަމުން ތަހުސީނު ބުނެލިއެވެ.

“މީޒާ، ދަރިފުޅު އާދޭ އިށީނަން، ކުރަންހުރި ކަމެއްވިއްޔާ ނާލިމާ ކޮށްލަފާނެ” ޒާހިރާގެ އަޑާއެކު މީޒާ ވަގުތުން ކުރަންހުރި ކަންތައް ހުއްޓާލާފައި އައިސް މޭޒުދޮށުގައި ޒާހިރާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެވެ.

ޝައުންގެ ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރިވާ ރޭގަނޑުގެ ކެއުމުގައި އީތަން ބައިވެރިވި މީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޝައުން މާލޭގައި އުޅުނުއިރު އީތަން އާއި ޝައުންއާ ދެ މީހުންގެ ގިނަ ވަގުތުތަކެއް ހޭދަކުރެވިފައިވަނީ އެގޭގައެވެ. އެހެންވެ އެގޭގެ ހަތަރުފާރުތެރޭގެ ސަޤާފަތާއި އުސޫލުތައް އީތަން ދެނަހުރެއެވެ. އަދި އެގޭގެ ހުރިހާ މެންބަރުންނަށް އަމުރުމަޢުރޫފު ހިންގުމުގެ ބާރު ހަމައެކަނި އޮންނަ ބަޔަކީ ޝައުންގެ ކާފަ އަބްދުއްސައްތާރާއި، މާމަ ޒާހިރާއެވެ. ޝައުން ނޫނީ އެ ޢާއިލާގައި އެމީހުންނަށް ކާފަ، މާމަ ކިޔާނޭ ކުއްޖަކުނެތެވެ. ޝައުންގެ ބައްޕަ ޠާރިޤު ތަފާތު ވާހަކަތައް ޚިއްޞާ ކުރަމުން ދިޔަ ނަމަވެސް ތަހުސީނު ފެންނަނީ ހިމޭންކަމުގައި އިންނަތަނެވެ. ކުރިން ސުރެން ވެސް އީތަންއަށް ތަހުސީނުގެ މަޑުމައިތިރިކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު ގޭގެ އެކަކަށް ވެސް އަބްދުއްސައްތާރާއި ޒާހިރާއާ ދެބަސްވާން ނުކުރޭއިރު، ތަހުސީނު އެޔާ ޚިލާފެވެ. އޭނާ ބުނަންބޭނުންވާ އެއްޗެއް އޭނާ ހާމަކުރެއެވެ. މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އަމިއްލަ ހިތާއި ސިކުނޑިއަށް ވިސްނޭގޮތް ހާމަކުރެއެވެ. ތަހުސީނު އެގޮތަށް ކަންތައްކުރަނީ ކީއްވެކަމެއް ޝައުންއަކަށް ވެސް ނޭނގެއެވެ. ނަމަވެސް އީތަން އާއި ޝައުންއާ އެކު ތަހުސީނު އުޅޭއިރު ބައެއްފަހަރަށް އޭނާއަކީ އެމީހުން ފަދައިން އެމީހުންނާ އެއްއުމުރެއްގެ ޒުވާނެކޭ ހީވާ ފަހަރު ވެސް އާދެއެވެ.

ޒާހިރާ އާއި އަބްދުއްސައްތާރު ކާކޮޓަރިން ނިކުމެގެން ދިއުމާއެކު ޝައުން އޭނާގެ ބޭނުން ކައިރީގައި އިން ޠާރިޤަށް ހުށަހެޅިއެވެ. އީތަން ގާތުގައި ދެއްކި ވާހަކަތަކާއި ޠާރިޤު ރުއްސުމަށް ދެއްކި ވާހަކަތައް އުޑާ ބިމާހާ ތަފާތެވެ. ރާއްޖެތެރެއަށް ގޮސްލަން ބޭނުންވާ ސަބަބުން ވެސް ސާފެވެ. ހޭން ނުހޭން އީތަން އިނީ އިސްޖަހާލައިގެންނެވެ. އެ ޒުވާނުންގެ ހަރަކާތްތަކަށް ބަލަން އިން ތަހުސީނުގެ ތުންފަތުގައި ވެސް ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނާއަށް ޝައުންގެ ހަޤީޤީ ބޭނުން އެނގެނީ ކަހަލައެވެ.

“ބައްޕާ ޕްލީޒް… ވަރަށް ސަޅި ރަށެއް އެއީ… އަޅުގަނޑު އެކަންޏެއް ވެސް ނޫނެއްނު މި ދަނީ، ހަމަ އެރަށް ބަލާލާހިތުން މިފަހަރު ގޮސްލަން ބޭނުންވީ…” ޠާރިޤުގެ އަތުން ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ފައިސާ ހޯދަން ޝައުން އާދޭސްކުރާ ކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ.

“އަހަރެން ދެންތަ ފައިސާ؟ މިހާރު އަހަރެން އަތުގައި ވެސް ފުދޭ ވަރަކަށް ހުންނާނެ” ކާކޮޓަރިން ނިކުމެގެން ޒާހިރާމެންގެ އެޕާޓްމެންޓުން ނިކުންނަން ދަމުން އީތަން، ޝައުންއަށް ބުނެލިއެވެ.

“ނޯ މޭން… ބައްޕަ އެއްޗެއް ނުބުންޏަސް ދޭނެ އަހަރެން ބޭނުންވާ ވަރަށް، އީތަން ހާސްނުވެބަލަ، އެހެންނޫނަސް ތަހުސީނު ދޮންބެ ވެސް އެހުރީނު، އަހަރެން ބުނާ ކޮންމެ ކަމެއް ކޮށްދޭނެ” ނިކަން ހަމަޖެހިލައިފައި ހުރެ ޝައުން ބުނެލިއެވެ.

“ހާދަ ވަރުގަދަ ދަތުރެއްގައި ހެން ހީވެޔޭ ދާން ތިއުޅެނީ” ޝައުން އާއި އީތަން ލިފްޓަށް އަރާ ދޮރުނުލެއްޕެނީސް ތަހުސީނު ދޮރުފަތުގައި ހިފެހެއްޓަމުން ބުނެލިއެވެ. އަދި ލިފްޓުގެ ތެރެއަށް ދެމިގަތެވެ.

“އުންމީދުކުރަނީ މަޖާ ދަތުރަކަށް ވާނޭކަމަށް” ލާނެތްކަން އެކުލެވިފައިވީ ރާގެއްގައި ޝައުން މިހެން ބުނެލިއިރު އޭނާ ހުރީ ފާޑަކަށް ހިނި ވެސް އައިސްފައެވެ.

ދަތުރުގެ ކަންތައްތައް ހަމަޖެހި ކުރިއަށް އޮތް ހަފްތާބަނޑު ދެ ދުވަހަށް ހުރި ކަންކަން ވެސް އީތަން ލަސްކުރީ ޝައުންއާއެކު ދިއުމަށްޓަކައެވެ. އެކަމަށް ތައްޔާރުވުމަށް ހުކުރު ހޮނިހިރުގައި އޮފީހަށް ނުކުންނަން ޖެހުނަސް ނުކުމެވެން ނެތްކަމުގައި އީތަން، ނުފައިލްއަށް އެންގިއެވެ. އޭނާ ވެސް ނިކަން ފަސޭހަކަމާއެކު އީތަންއަށް އެ ދެ ދުވަސް އޮފްކޮށް ދިނެވެ.

“ސަޓަރޑޭގައި އަންނާނީ” ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަޑުކޮށްލައިގެން ފޯނުން ވާހަކަދައްކަމުން ދިޔަ އީތަން ބުނެލިއެވެ.

އެންމެފަހު ކަމެއްގެ ގޮތުގައި އީތަންއަށް މިފަހަރު ކުރެވުނީ ޖަޒްލާއަށް ގުޅާފައި ފުރަން އުޅޭ ވާހަކަ ބުނުމެވެ. އޭނާ ޝަކުވާކޮށްލި ނަމަވެސް އީތަން އެ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އެކަން ޖަޒްލާއަށް އެނގުނީ ވެސް ކަންނޭނގެއެވެ. އޭނާ ތަފާތު ގިނަ ސުވާލުތައް އީތަންއާ ކުރިމަތި ކުރުވިއެވެ. އެހެންނަމަވެސް ޖަޒްލާގެ ހުރިހާ ސުވާލަކަށް އޭނާ ޖަވާބުދިނެވެ. ހަމައެކަނި ނުބުނެވުނީ ދަތުރުގޮސްފައި އެ ރަށުގައި ހުންނާނީ ކޮންތާކު ކަމެވެ. ތިބުމުގެ ކަންތައް ހަމަޖައްސަނީ ޝައުންއެވެ. އެހެންވެ އެ ސުވާލަށް އީތަންއަށް ޖަވާބު ނުދެވުނީއެވެ.

“ކަމޯން ޖޭޒް، އަހަރެން ވެސް ތިވަރެއް ނުކުރަން ޖޭޒް ރިސޯޓުތަކަށް ދާއިރަކު، ގިނަފަހަރަށް މަށަށް އެނގޭނީ ވެސް އެތަނަކަށް ގޮސް ހުއްޓާ، ސޯ ޕްލީޒް… މީ އަހަރެންގެ ބެސްޓްފްރެންޑަށްޓަކައި ކޮށްދޭކަމެއް، ތިހާ މެލޯ ޑްރެމެޓިކް ނުވިޔަސް އަހަރެން އަބަދު ވެސް ވާނީ ޖޭޒްގެ މީހަކަށް، ކޮންމެތާކު ހުއްޓަސް އަހަރެން ޖޭޒްއަށް ނުގުޅައެއް ނުހުންނާނަން، އެހެންވީމަ ތި ކޫސަނި ޝަކުވާކުރުން ހުއްޓާލަފާނަންތަ؟ މިހާރު ޝޯން އަންނަން އުޅޭނެ މިގެއަށް…”

އީތަން ފޯނުން ބުނަންވީ އެއްޗެއް ޖޭޒްއަށް ބުނެފައި ކަނޑާލިއެވެ. އެކަމާ ޖަޒްލާ ހިތްހަމަނުޖެހިފައި ހުއްޓަސް ހެޔޮ ކަމަކަށެވެ. ޝައުން ބުނާހެން ޖަޒްލާއާ ހެދި އީތަންއަށް އުޅެވެނީ މާބަޑަށެވެ. ޖަޒްލާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމުގެ ބާރު ދިނީ ވެސް ޚުދު އޭނާއެވެ. އެހެންނަމަވެސް މިހާރު އީތަން ބޭނުންވަނީ ވަކި މިންގަނޑެއްގައި ޖަޒްލާ ބަހައްޓާށެވެ.

* * * *

ތިން އަހަރު ދުވަސް ފާއިތުވެ ދިޔައީ ރޭޝްމާ ހީކުރި ވަރަށް ވުރެ ވެސް އަވަހަށެވެ. ދަރިފުޅު އެނބުރި މާލެ އަންނަންވާއިރަށް ގޭގެ ޓެރެސް މުޅިން އިމާރާތްކޮށް ނިންމާލިއެވެ. އަދި ގޭތެރެއިން ޓެރެސްއަށް އެރޭނޭ ސިޑިއަކާއި މައިގެއިން ބޭރުން ސީދާ ޓެރެސްއަށް އެރޭނޭ ގޮތަށް ވެސް ހުރި ސިޑި ބަހައްޓާފައެވެ. ގޭގައި ކުރަން ހުރިއްޔާ ހުރި ހުރިހާކަމެއް ރޭޝްމާ ވަނީ ނިންމާފައެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލާފައި ސިޓިން ރޫމުގައި ދެކޮޅަށް އޭނާ ހިނގާލައެވެ.

“އަނެއްކާ ނާޒިލު ގަޑިއަށް އެއަރޕޯޓަށް ދިޔަބާ؟ ހާދަ ލަސްވެއްޖެޔޭ… ރީން ނުކުންނައިރު އަހަރެން ނުފެނިގެން އަދި ފޯރީ ހުންނާނީ، ގެއަށް އަންނައިރު ހުންނާނީ ތުންދަމާފަކަން ޔަޤީން” އަމިއްލަ ނަފުސާ ވާހަކަދައްކަމުން ރޭޝްމާ ހީނލިއެވެ. އަދި އޭނާގެ ނަޒަރު ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި ކުޑަ މޭޒުމައްޗަށް ހުއްޓުނެވެ. ޒޫރިން އަންނަން ވާއިރަށް އޭނާއަށް މަރުޚަބާ ކިޔުމަށް އަޅާފައިވާ އައިސްކްރީމް ކޭކު ވިރިގެން ފައިބާފާނޭތީވެ ރޭޝްމާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ހުރިހާ ގޮތަކުން ގޭތެރެ ހުރީ މަރުޚަބާ ކިޔާ ވަރަށް ޒީނަތްތެރި ކޮށްލާފައެވެ.

ނާޒިލުގެ ކާރުން ފައިބައިގެން އައި އަންހެންކުއްޖާ ދޮރޯށީގައި ހުރި އޮބަށް އެއްއަތުން ފިތާލިއެވެ. އަދި ބުރަކަށީގައި ގަދަނޫކުލައާއި އަސުރުމާކުލަ އެކުލެވިގެންވި ދަބަހެއް އަޅުވާފައި ހުރިއިރު އެއްކޮނޑުގައި އޮތް ގިޓާ ރަނގަޅުކޮށްލިއެވެ. ފަށުވިކޮޅެއްފަދަ ދިގުއިސްތަށިގަނޑު އެއްފަރާތަށް ވައްޓާލާފައި އަތުން އޮމާންކޮށްލުމާއެކު ދޮރޯށްޓަށް ކުރިމަތިވާ ގޮތަށް ހުއްޓިލިއެވެ. ހީވީ ދޮރުހުޅުވާ މީހާއާ ކުރިމަތިލާން ތައްޔާރުވެލިހެންނެވެ.

“ރީން… ޕްރިންސެސް… މާ އަވަހާއޭ ކާރުން ފައިބައިގެން ތިއައީ، މިޖެހުނީ މާ ދުރުގައި ކާރު ޕާކުކުރަން”

“މަންމަ ނައިސްފައި، ދޮރުހުޅުވަން ވެސް ނައީތަ؟ ނާޒިލްބެއަށް ތަޅުދަނޑިފަތި ވެސް ދިނީ؟ ކޮންތާކަށް މަންމަ ދިޔައީ؟ ހުރެބަލަ އަނގައިން ވެސް ނުބުނާނަން ދެން އައީމަ. ކުރިން ބުނި ނިމޭއިރަށް ލަންކާއަށް އަންނާނަމޭ، އެކަމަކު އެއަރޕޯޓަށް ވެސް މަންމައަށް ނާދެވުނު… ނާޒިލްބޭ ޕްލީޒް… މަންމައަށް ވީގޮތެއް ބުނެބަލަ…” ލޮލުގައި އަޅާފައި އޮތް ކަޅުއަވިއައިނު ނަގަމުން ޒޫރިން އަހާލިއެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *