LOABIVAATHEE UFAA DHEYNAMEY [EP-02]

“ބައްޕަ އެއްޗެއް ބުނީތަ؟” ރާބިއާ އަހާލިއެވެ.

“ބޭރަށް ދާން އުޅެނިކޮށް ބުނީ މަންމަ މާދަމާ ފުރަން ހަމަޖެހިފައި އޮތް ވާހަކަ”

“އާނ! އެހެންބުނީމަ މި ހަނދާންވީ، އައިދަން އާއި އައިނީ ގާތު ވެސް ބުނި މިރޭ ގެއިން ކާން މަޑުކުރައްޗޭ… ޖަޒްލާ ކައިރިއަށް ދާން ދޯ އުޅުނީ… ކިހިނެއްތަ އޮފީހުގެ ފުރަތަމަ ދުވަސް ދިޔައީ، ވަރަށް ބުރަތަ؟”

ރާބިއާ ވާހަކަދައްކަމުން އެނދުން ތެދުވެގެން އައިސް ރީތިވާ މޭޒުމަތީ ހުރި ކުޑަފޮށްޓެއްގެ ތެރެއަށް ތަސްބީހަފަތި ލިއެވެ. އަދި ނަމާދު ދޮޅި ބާލާ އަޅަން ގެންގުޅޭ ދެމޭފޮތީގެ ވަށްބުރުގާ މޫނަށް ހެޔޮވަރުކޮށްލިއެވެ. އެއާއެކު އީތަންގެ ކޮނޑުގައި އަތްލައްމުން ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. އީތަން ތެދުވެގެން ހިނގައިގަތް އިރު ވެސް އޭނާގެ ސިކުނޑީގައި ވަނީ ޖަޒްލާގެ ޚިޔާލުތަކެވެ.

* * * *

“ތޭންކްސް ކައިލަން، މިހާ ކުއްލި ގޮތަކަށް ބުނީމާ ވެސް މިކޮޅުން ހަމަޖައްސައިދިނީތީ” ލޮލުގައި އަޅާފައި އޮތް އައިނު ރަނގަޅު ކޮށްލަމުން ޖަޒްލާ ބުނެލިއެވެ.

ކައިލަންއަކީ ޖަޒްލާގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ. ރަށުގައި ގުރޭޑު ނުވައެއްގައި ކިޔަވަމުން ދިޔަ ޖަޒްލާގެ ކިޔެވުން ނިންމީ މާލޭގެ ޕްރައިވެޓް ސުކޫލަކުންނެވެ. އޭރު ކައިލަން ވެސް ހުރީ ސަރުކާރު ސުކޫލަކުން ފާސްނުވެގެން ވަކިކުރުމާއެކު އިތުރަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ޖަޒްލާ ވަން ސުކޫލުގައި ކިޔަވާ ދަރިވަރެއްގެ ގޮތުގައެވެ. ދެ މީހުން ދިމާވެ ގާތްކަން އުފެދުނީ ސުކޫލުގެ ތެރެއިންނެވެ. އާޓު ކުލާހުގައި ފެންކުލަޖައްސަން ބޭނުންކުރި ފެންއެތި ފާޚާނާއަށް ގޮސް އުކާލުމުގެ ބަދަލުގައި އެ ގަޑި ނިމުމުން ޖަޒްލާ ގަސްތުކުރީ ހޯލްވޭ ހުރަސްކޮށް ހުރި ގަސްތަކާ ދިމާއަށް އުކާލާށެވެ. ބޭނުމަކަށްވީ ޖެހިގެން އޮތީ އިންޓަވަލް ގަޑިއަށްވުމުން ރައްޓެހިންނާއެކު އަވަހަށް ކުލާހުން ނިކުތުމެވެ. އެހެންވެ ސުކޫލުގެ އިސް މީހަކަށް ފެނުމުގެ ކުރިން އަވަހަށް ކުލަގިރުވާފައި ހުރި ފެންއެތި އުކާލަން ހަދައިގެން އެ ޖެހުނީ އެއްކޮނޑުގައި ދަބަސް އަޅުވާލައިގެން ހޯލްވޭއިން ހިނގާފައި އައި ކައިލަންގެ ގަޔަށެވެ. އޭނާގެ ހުދު ޔުނީފޯމުގެ އެއްފަރާތް އެއްކޮށް ތެމި ގަމީހުގެ ކުލަ ވަގުތުން ބަދަލުވެގެން ދިޔައެވެ. އެ ބައްދަލުވުން ކައިލަންއަށް ޚާއްޞަވިއެވެ. ސުކޫލުގައި އުޅޭ އަންހެން ކުދިންނަށް ނަޒަރު ނުހުއްޓުނު ކަމުގައި ވިޔަސް އޭނާގެ ޝައުގުވެރިކަން ޖަޒްލާއަށް ހުއްޓުނެވެ. އެ ދެމެދުގައި އުފެދުނު ގާތްކަން ދަމަހައްޓަން ކައިލަން މަސައްކަތްކުރިއެވެ. އަދި ޖަޒްލާގެ ގިނަ ވާހަކަތައް ޚިއްޞާކުރާ ފަރާތަކީ އޭނާ ކަމުގައި ވިއެވެ.

ކައިލަންއަކީ މާލޭގެ ބޮޑު ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. މަތީ ތަޢުލީމުތަކެއް އޭނާ ހާޞިލު ނުކުރިކަމުގައި ވިޔަސް ޢާއިލާގައި ހުރި ހަމައެކަނި ކުއްޖާއަށް ވީމަ ބައްޕަގެ ފިޔަވަޅުމަތީ ފައިއަޅަމުން އޭނާ ހިނގަން ގަސްދުކުރިއެވެ. ޢާއިލާގެ ކުންފުންޏާ ގުޅި ވިޔަފާރީގެ ދުނިޔެއަށް އޭނާގެ ލޯ ހުޅުވިއެވެ. ރިސޯޓު ވިޔަފާރީގެ ތެރޭގައި ނުފޫޒުގަދަ ކުންފުންޏަކަށް ކައިލަންމެންގެ ކުންފުނިވާއިރު އޭނާގެ ބައްޕައާއެކު ކުންފުނީގެ ހުރިހާ ކަމެއްގައި ކައިލަން ވެސް ޚިއްޞާވެއެވެ.

ރިސޯޓުތަކަށް ދިއުމަށް ލޯބިކުރާ ޖަޒްލާއަށް އެ ފުރުޞަތު ފަހިކޮށްދޭ މީހަކީ ކައިލަންއެވެ. އެފަދަ ކޮންމެ ދަތުރަކު ޖަޒްލާއާއެކު އޭނާ ބައިވެރިވެއެވެ. މަޑުމައިތިރި މިޒާޖެއް ހުންނަ ކައިލަންއަކީ ބަސްމަދު ޒުވާނެކެވެ. ޖަޒްލާއަށް އޭނާ ކަމުދަނީ އެހެންވެ ކަންނޭނގެއެވެ. ކިތަންމެ އިރަކު ހުއްޓާނުލާ ޖަޒްލާ ވާހަކަދެއްކި ނަމަވެސް ކައިލަން އަޑުއަހައެވެ. ރަނގަޅު ލަފާ ޖަޒްލާއަށް ދެއެވެ. ކައިލަންގެ ފަރާތުން އެހާ ގާތްކަމެއް ޖަޒްލާއަށް އިހުސާސް ކުރެވޭއިރު އޭނާ އެކަމާ ސުވާލެއް ކުރުމެއްނެތި ޤަބޫލުކުރީ އެ ދެމެދުގައި އޮތީ ވަރަށް ވެސް ގާތް ރަޙުމަތްތެރިކަން ކަމުގައެވެ. މިއަދާ ހަމައަށް އައިއިރު ވެސް ކައިލަންގެ ފަރާތުން ރަޙުމަތްތެރިކަން ފަހަނައަޅާ ދާފަދަ އިޝާރާތެއް ފެނިފައި ނުވާތީއެވެ.

“މިއީ ޔަފާ އާއި ޖޭޒްގެ ރޫމް، އަހަންނާ ނިހާލު ތިބޭނީ ޖެހިގެން މިހިރަ ރޫމްގައި، ފްރެޝް ވެލައިގެން ޖޭޒް ނިކުމޭ… އެންމެން އެއްކޮށެއްނު ޑިނާއަށް ދާނީ” ހިނގަމުން އައިސް މޫދުކޮޓަރިތަކުން ކޮޓަރިއެއްގެ ކައިރީ މަޑުކޮށްލަމުން ކައިލަން ބުންޏެވެ.

“ވާއު! ތޭންކްސް ކައިލް…” ކޮޓަރި ފެނުމުން އުފަލުން ގޮސް ކައިލަންގެ ގައިގާ ޖަޒްލާ ބައްދާލިއެވެ. ދެ ބުމަ ހިއްލާލަމުން ޖަޒްލާގެ ފުރަގަހުން އަތްޖައްސާލި ކައިލަން ކުޑަކޮށް ހީނލިއެވެ. އޭނާ ހުރީ ޖަޒްލާގެ އެ ފަދަ ޢަމަލަކަށް ތައްޔާރުވެއެއްނޫނެވެ. އެހެންނަމަވެސް އެއީ ކައިލަންއަށް އައުކަމެއް ވެސް ނޫނެވެ. ޖަޒްލާ އެގޮތަށް އޭނާގެ ގައިގާ ކިތަންމެ ފަހަރަކު ބައްދާލައެވެ. އެކަމަށް އަދިވެސް އާދަނުވަނީ ޚުދު ކައިލަންއެވެ.

ޖަޒްލާ އާއި ކައިލަންގެ ފަހަތުން އައި ޔަފާ އާއި ނިހާލު ވެސް ކޮޓަރިތައް ފެނިފައި ތަޢުރީފުގ ލަފުޒުތައް އޮއްސާލިއެވެ. އަދި އަވަހަށް ކޮޓަރިއަށް ވަނުމަށް އުޅުނެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ޖަޒްލާ އާއި އޭނާގެ ރަޙުމަތްތެރިން ރެސްޓޯރެންޓަށް ދިޔައެވެ. ރޭގަނޑު ރިސޯޓުގެ އެކި ދިމާ ފަނޑު އައްޔަކުން ދިއްލާލާފައި އޮތް އިރު ނުހަނު ހިތްގައިމެވެ. ކެއުން ނިންމާލުމާއެކު ޔަފާ އާއި ނިހާލު އެކަހެރިވެލަން ދިމާއަކަށް ދިޔައެވެ. އެއާއެކު މޭޒު ދޮށުގައި ޖަޒްލާ އާއި ކައިލަން އެކަނިވިއެވެ. އެތަނުގައި ތިބުމަށް ކައިލަން ބޭނުމެއްނުވިއެވެ. އެހެންވެ ޖަޒްލާ ގޮވައިގެން އޭނާ އައީ ކޮޓަރިތައް ކައިރިއަށެވެ. އަދި ކޮޓަރި ކުރިމަތީ ޖެޓީގައި ކައިލަން އިށީނދެ ޖަޒްލާއަށް އަތްދިއްކޮށްލިއެވެ. ޖަޒްލާ ވެސް ކައިލަންގެ އަތުގައި ހިފާލަމުން ޖެޓީގައި އިށީނދެ ދެފައި އެލުވާލައިގެން އިނެވެ.

“މިގަޑީގައި ހާދަ ފިނިވަޔެކޭ ދޯ މިޖެހެނީ… އެކަމަކު ވަރަށް ރިލެކްސިންގ” ޖަޒްލާ ހިނިތުންވެލަމުން ދުރަށް ނަޒަރު ހިންގާލިއެވެ.

“މިފަހަރު ކިހިނެއްވީ ތިއައީ” ކައިލަންއަށް ކޮންމެވެސް ކަމެއް އެނގޭ ކަހަލައެވެ.

“ރިލެކްސް ވެލަން މިއައީ…”

“ޖޭޒް، އައި ނޯ ޔޫ ވެރީ ވެލް…. ތިހާ ކުއްލިގޮތަކަށް އަހަންނަށް ގުޅާފައި ރިސޯޓެއް ހަމަޖައްސައިދޭން ބުނީ ކަމެއްވެގެންކަން އަހަންނަށް އެނގޭ”

“އަހަރެން ވެސް ހިޔެއްނުކުރަން އެހާ ކުއްލިގޮތަކަށް ބުނީމަ މި ރިސޯޓުން ރޫމު ހަމަޖައްސަފާނެއެކޭ”

“މިކޮޅަށް ހެނދުނު އައިގޮތަށް މިއުޅެނީ، އަހަރުމެން ފުރަން އުޅެނިކޮށް ޖޭޒް ގުޅީ، އެހެންވެ ބައްޕަ ފޮނުވާލާފައި އަހަރެން މަޑުކުރީ، އެހާ ފަސޭހައިން ރޫމެއް ވެސް ހަމަޖެހުނީ އެހެންވެ، ދެން ބުނެބަލަ، މިފަހަރު ކޮންކަމަކާ ހިތްހަމަނުޖެހިގެން ތިއައީ”

ކައިލަންގެ ނަޒަރު ހުރީ ޖަޒްލާއަށް ހުއްޓިފައެވެ. އިރަކޮޅަކު ހިމޭނުން އިނުމަށްފަހު ޖަޒްލާ ވާހަކަދައްކަން ފެށިއެވެ. އޭނާ މަޑުމަޑުން ކަންތައްވީގޮތް ކިޔާދޭން ފެށިއެވެ. އީތަންއަށް ގުޅުމުން އެއްވެސް ޚަބަރެއް ނުވިކަމާ އަމިއްލަ ގޭގައި އުޅެން ފޫހިވާކަމުގައި ބުނެލިއެވެ. އަދި އީތަން ދެރަކޮށްލުމަށް ފޯނު ވެސް ގޭގައި ބާއްވާފައި އައިކަމަށް ބުނެލިއެވެ.

“ތިވަރުކަމަކާތަ ޖޭޒް ރުޅިއައީ، މިހާރު ތިއިނީ ހަމަޖެހިފައިކަން އެނގޭ، އަޅެ މިހާރު ވިސްނާލަބަލަ… އީތަން އޮފީހަށް ދިޔަ ފުރަތަމަ ދުވަހު އޭނާއަކަށް ނުކެރޭނެ ދޯ ފޯނުގައި އިންނާކަށް، އޭނާ ވެސް ހުންނާނީ ފުރަތަމަ ދުވަސްވީމާ އެ މާހައުލަށް ވަރަށް އާވެފައި، އަނެއްކޮޅުން ޖޭޒްގެ މަންމަ ދޯ އެއީ… މަންމަމެން އެއްޗެހި ކިޔާނެ، އެކަމަކު އެއީ އަހަރުމެންނަށް ރަނގަޅަކަށް ކަމަށް ވިސްނަންވާނީ، މުޅިއަކުން ގޯސް ވާހަކައެއްނޫނެއްނު ޖޭޒްގެ މަންމަ އެ ބުނަނީ…”

“އަސްލު އެގަޑީގައި ރުޅި ގަދަވެފައި ހުރިވަރުން އަވަހަށް ބޭނުންވީ ގެއާ ދުރަށްދާން، އީތަން ވެސް އަހަންނަށް މެސެޖުކޮށްލިނަމަ… އެވަރު އޭނާއަށް ވާނެއެއްނު، ކައިލް ވެސް ބިޒީނަމަ އަހަންނަށް އަންގާލާ… ދެން ކީއްވެ އީތަންއަށް ނުވާންވީ، ދެން ނޭނގެ މަށަކަށް…. ނަސީބެއް ފޯނު ނުލާ އާދެވުނުކަން… އެހެންނޫނީ އީތަން ގުޅާވަރުން ވެސް އަހަންނަށް ފޯނު ނެގޭނެ، މިހާރު ދެން އެނގޭނެ އަހަރެން ގުޅީމަ ފޯނު ނެގުމަކީ ކިހާ މުހިންމު ކަމެއްކަން”

ޖަޒްލާގެ ވިސްނުން ހުރި ގޮތް ކައިލަންއަށް ކަމުނުދިޔަ ނަމަވެސް އޭނާ އެއްޗެއް ނުބުންޏެވެ. ޖަޒްލާގެ ވާހަކަތައް އަޑުއަހަން އޭނާ އިނެވެ. އިސްޖަހާލައިގެން ދެއަތުން ޖެޓީގައި ހިފަހައްޓާލައިގެން އޭނާ އިނީ އެއްވަރަކަށް ހަލުވާލަ ހުލުވާލާ އިން ދެފަޔަށް ބަލަހައްޓައިގެންނެވެ. އީތަން އާއި ޖަޒްލާގެ ދެމެދުގައި އޮތް ގުޅުމަކީ ހަމަޖެހޭ އޮމާން ގުޅުމެއްކަމަށް ކައިލަންއަށް ޤަބޫލު ނުކުރެވުނަސް އޭނާއަށް ޔަޤީންވާ އެއްކަމެއް އޮވެއެވެ. އެއީ އީތަންދެކެ ޖަޒްލާ ލޯބިވާކަމެވެ. ހަމައެއާއެކު އީތަން ވެސް ޖަޒްލާއާ ހެދި އުޅެނީ އެހާ ވަރުންނެވެ. އެކުގައި އެންމެން އުޅޭއިރު އީތަން ބަހައްޓާ ގާތްކަމާއި ޚާއްޞަކަން ކައިލަންއަށް ވަނީ ފެނިފައެވެ. ޖަޒްލާގެ ކަންތައްތަކަށް ކައިލަންގެ ސަމާލުކަން ދެވިފައިވާއިރު އޭނާގެ އަމިއްލަ ހިތުގެ އަޑަށް އޭނާ ދިނީ ބީރުކަންފަތެކެވެ.

* * * *

ޢާއިލާގެ ހުރިހާ މެންބަރުން ސިޓިން ރޫމުގައި ތިބިއިރު ހަމްރާ ފުރުމުގެ ހުރިހާކަމެއް ހަމަޖެހިފައިވާ ވާހަކަ ބުންޏެވެ. ކޮންމެ ފަހަރަކު ރަށުން ބޭރަށް ސުފިޔާނު ނޫނީ ހަމްރާ ދާކަމަށްވަނީނަމަ ހުރިހާ ކުދިން އެއްތަނަކަށް ގެނެސް ފުރައިގެން ދިއުމުގެ ކުރިން ހުރިހާ ކުދިންނާ ވެސް ވާހަކަދައްކައެވެ. އަދި ކުދިންނާ ވަކިވެގެން ދިއުމުގެ ކުރިން ކޮންމެ ކުއްޖަކާ ވެސް ސަލާމްކުރާނެއެވެ. ހިތްހެޔޮ ކުރުމަށް ބުނާނެއެވެ. އީތަން ހިތްހަމަޖެހޭ ކަމަކަށް އެކަން ނުވެއެވެ. އޭނާގެ ޢާއިލާގެ އެއްވެސް މެންބަރަކާ ވަކިވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. ޚާއްޞަކޮށް މަންމަ އާއި މާމައެވެ. އެމީހުނާ ނުލާ އޭނާގެ ދިރިއުޅުން ކުރިއަށް ގެންދާނޭ ގޮތެއް ނޭނގޭނެއެވެ. އެމީހުންގެ ހިތްވަރާއި ލޯތްބަކީ ކުރިއަށް ދިއުމަށް އީތަންއަށް ވަރަށް މުހިއްމު އެއްޗެކެވެ. ހަމްރާގެ ވާހަކަތަކުން އީތަންއަށް އިހުސާސްކުރެވެނީ އޭނާގެ މަންމަ އެ ދަނީ އެނބުރި އައުމުގެ އުންމީދެއް ނެތިހެނެވެ. ކޮންމެ ފަހަރަކު އެގޮތަށް ކަންތައް ކުރުމުން ހިތަށް މާބޮޑަށް އުނދަގޫވަނީއެވެ. އެކަމާ އޭނާ ހަމްރާގެ ގާތުގައި ޝަކުވާ ވެސް ކުރެއެވެ.

“ދަރިފުޅާ އީތަން، މަރަކީ އެމީހަކާ އެންމެ ގާތުގައިވާ އެތި، މަންމަ ބޭނުމެއްނޫން ތިކުދިންނާ ވަކިވެގެންދާންޖެހޭ ވަގުތު އަންނައިރު ތިއިން އެއްވެސް ކުއްޖެއްގެ ގާތުގައި ބުނަން ބޭނުން ވާހަކައެއް ނުބުނެވި އޮންނާކަށް، އޭރުން ފަހުން ހިތާމަކުރުމެއްނެތް، އެ ވަގުތަށް ހުރެވޭނީ ފުރިހަމައަށް ތައްޔާރުވެގެން” ހަމްރާގެ ޖަވާބު އީތަންއަށް ޤަބޫލުކުރަން މަޖުބޫރުވިއެވެ. އޭނާގެ މަންމަ އާއި ވަކިވާން ބޭނުންނުވި ނަމަވެސްއެވެ.

ހަމްރާ އާއި ސުފިޔާނު ތެދުވެގެން ދިއުމާއެކު އީތަން އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހާ ހިނގައްޖެއެވެ. އަދިވެސް ޖަޒްލާގެ ޚަބަރެއް ނުވާތީ އެކަމާ އީތަން ހުރީ ކަންބޮޑުވެފައެވެ. ޖަޒްލާގެ ފޯނަށް ގުޅާ މެސެޖު ކުރެވުނު އަދަދު ވެސް އީތަންއަކަށް ނޭނގެއެވެ. އޭނާ ޖަޒްލާމެން ގެއަށް ދިއުމަށް ދޮރޯށި ކައިރިއަށް ނިކުމެ ހުރެ ފުންނޭވާއެއް ލިއެވެ. މަގުމައްޗަށް ބަލާލާފައި އަތުގައި އޮތް ފޯނު ނަގާ ޖަލާލުއަށް ގުޅިއެވެ.

“ޖޭޒް ގޭގައި އުޅޭކަން ޔަޤީންކޮށްފައި ނޫނީ އެހާ ދުރަކަށް ދެން ނުދެވޭނެ” ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ އީތަން ބުންޏެވެ. އޭރު ޖަލާލުގެ ފޯނަށް ގުޅޭ އަޑު އިވެމުން ދިޔައެވެ.

“އީތަން…” ޖަލާލު ފޯނު ނެގުމާއެކު އީތަންއަށް ގޮވާލި އަޑު އިވުނެވެ.

“ޖަލާލްބޭ، ޖޭޒް އެބައުޅޭތަ…” އީތަން ނުކެރިފައި ހުރެ ވެސް އަހާލިއެވެ. އެއާއެކު ޖަލާލުގެ ޖަވާބު ލިބިގެން ދިޔައެވެ. ޝުކުރުއަދާކޮށްފައި އީތަން ފޯނުކޯލު ކަނޑާލިއެވެ.

“ޖޭޒް ރިސޯޓަށް ދިޔައީއޭ… ޔަޤީން ރުޅި އައިސްގެންކަން އެ ދިޔައީ، ދިޔައިރު ފޯނު ހިފައިގެން ދިޔަނަމަ ރަނގަޅެއްނު، އަހަރެން ނުގުޅާކަށް ނޫންވިއްޔާ ހުރީ” އީތަން ކުދި ކިޔާލުމާއެކު ހިތްހަމަނުޖެހިގެން އައިސް ގޭތެރެއަށް ވަނެވެ.

* * * *

ނާޒިލް އާއި ފުރުމުގެ ކަންތަކާ ގުޅިގެން ވާހަކަދައްކަން އިނދެފައި ރޭޝްމާ ފޯނު ބޭއްވިއެވެ. އަދި ތިރީގައި ހުޅުވާފައި އޮތް ފޮށި ބަންދުކުރުމުގައި އުޅުނެވެ. އެހިނދު އޭނާގެ ގާތުގައި އިން ޒޫރިން ވާހަކަދައްކަން ފެށިއެވެ.

“މަންމާ، ސާރާ ދައްތަ ކޮންއިރަކުން އަންނަނީ، އަޅުގަނޑު ފުރަން އުޅޭކަން ސާރާ ދައްތައަށް އެނގޭތަ”

ކުޑައިރުއްސުރެ ޒޫރިންއަށް ގޭތެރެއިން އެންމެ ގިނައިން ފެންނަ މޫނަކީ ސާރާއެވެ. ޒޫރިންގެ އެކިއެކި ކަންކަމުގައި ރޭޝްމާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މީހަކީ އެއީއެވެ. ނަމަވެސް މިހާރު ސާރާ ހުންނަނީ އޭނާގެ އަމިއްލަ ދަރިފުޅަށް ކިޔަވާދޭށާ އަދި އޭނާ ވެސް މާސްޓަރސް ހެދުމަށް ރާއްޖޭން ބޭރުގައެވެ. އޭނާ އެގެއަށް އައުން ހުއްޓުމުން ގޭތެރެއަށް ފަޅުކަމެއް އައިކަން ޒޫރިންނާއި ރޭޝްމާއަށް ވެސް ފާހަގަވިއެވެ.

“ފުރަނީ ކޮންއިރަކުންކަމެއް ނޭނގޭނެ، މަންމައަށް އަދި މިއުޅެނީ ސާރާއަށް ގުޅާ ވެސް ނުލެވިގެން، ވަރަށް އުފާވާނެ ދަރިފުޅަށް ކިޔަވަން ފުރުޞަތު ލިބުނުކަން އެނގުނީމަ، އެމީހުން ދެން ހިޔެއްނުވޭ މިކޮޅަށް އަންނާނެ ހެނެއް، ސާރާދައްތަގެ ފިރިމީހާ ވެސް މިހާރު ގޮއްސި މިކޮޅުގައި ހުރި ގެ އެއްކޮށް ކުއްޔަށް ދީފައި” ވާހަކަދައްކަމުން ދިޔަ ރޭޝްމާ އެއްޗެހި އަޅާފައި ހުރި ފޮށިލައްޕާފައި އެ ނަގާ ކޮޅަށް ބެހެއްޓިއެވެ.

“އެ އިވެނީ ބެލްޖަހާއަޑު…” ކުއްލިއަކަށް ދޮރޯށީގައި ހަރުކޮށްފައި ހުރި ސިސްޓަމުގެ އެލާމުގެ އަޑު އިވުމާއެކު ޒޫރިން ބުނެލިއެވެ. އަދި ދުވެފައި ދާން ވެގެން އުޅުނެވެ. އެވަގުތު ރޭޝްމާ އޭނާ ހުއްޓުވިއެވެ.

“ދަރިފުޅު މިތާ މަޑުކުރާ، މަންމަ އަންނާނަން ކާކުތޯ ބަލާފައި”

ޒޫރިން ކޮޓަރީގައި ބައިންދާފައި ރޭޝްމާ އައިސް ބޭރު ދޮރޯށި ހުޅުވާލިއެވެ. އޭރު ދޮރުމަތީ ހުރީ ރޭޝްމާމެން ގޭގެ ކުއްޔަށް ދީފައި ހުރި ދެ ބުރި އިމާރާތުގެ ތެރެއިން ފުރަތަމަ ފަންގިފިލާގައި އުޅޭ ޢާއިލާގެ މެންބަރެކެވެ. އޭނާ އައިސް ހުރީ ރޭޝްމާއާ ކުލި ހަވާލުކުރާށެވެ. އޭނާ އެތެރެއަށް ވެއްދުމަށްފަހު ރޭޝްމާ ދޮރޯށި ލައްޕާލިއެވެ. އެއާއެކު އެމީހާ ކުއްޔަށްވީ ފައިސާ ވޮލެޓުން ނަގާ ރޭޝްމާއަށް ދިއްކޮށްލިއެވެ.

ގޭގެ އެއްބައި ކުއްޔަށް ދިނުމަށްޓަކައި ވަކިކޮށް އެބަޔަށް ވަކިން ވަދެވޭނޭ ގޮތަށް ދޮރޯށްޓެއް ބަހައްޓާ ހެދީ ރޭޝްމާގެ ދޮންބައްޕައެވެ. އެއީ ކުއްޔަށް ތިބޭ މީހުންގެ އުނދަގޫ ފޯރަފާނޭކަމަށް ކުރި ކަމެކެވެ. މިއަދު ޚުދު ރޭޝްމާއަށް ވެސް އެހާ ބޮޑު މިނިވަންކަމެއް ލިބިފައިވަނީ އެހެންވެއެވެ. ފެންނަފެނުމަށް މީހުންނަށް ހީވާނީ އެއީ ވަކި ދެ ގެއެއްހެންނެވެ. ދެ ކުލައިގެ ދޮރޯށީ ލާފައެވެ.

“އެކައުންޓު ނަންބަރު ޝާދިއާއަށް ދިނިން، އަސްލު ފުރަން އުޅޭތީ އެކަން އަންގާލަން ވެގެން ޝާދިއާއަށް ގުޅީ، ކުލި ހަވާލުކުރަން އަންނައިރު އަހަރެން މިކޮޅުގައި ނޫޅޭނެ ވާހަކަ ބުނަން” ކުލީގެ ފައިސާގައި ހިފަމުން ރޭޝްމާ ބުނެލިއެވެ.

“އަޅުގަނޑު ވެސް ރާއްޖެތެރެއަށް ފުރަން ހަމަޖެހިފައި އޮތީމަ ކުރީބައިގައި ކުލި ހަވާލުކޮށްލަން ބޭނުންވީ، އަނެއްކާ މިވަގުތު އަތުގައި ކުލި ދެއްކޭ ވަރަށް ފައިސާ ހުރީމައާއެކު”

ރޭޝްމާ ކުޑަކޮށް ހިނިތުންވެލަމުން ބޯޖަހާލުމުން ކުލި ހަވާލުކުރަން އައިސް ހުރި އަބްދުލްޤަނީ އެގެއިން ނިކުންނަން ދިޔައެވެ. ކުލީގެ ފައިސާ ގުނާ ލުމަށްފަހު ރޭޝްމާ ދޮރޯށި ރަނގަޅަށް ލައްޕާފައި އެނބުރި ކޮޓަރިއަށް އައެވެ.

“ރީން.. ރީން…” ރޭޝްމާގެ ކޮޓަރީގައި ޒޫރިން ނެތުމުން ރޭޝްމާ އޭނާއަށް ގޮވަމުން ކޮޓަރިތައް ހޯދަން ފެށިއެވެ.

“މަންމާ، އަޅުގަނޑު ހުރީ ޓެރެސްގައޭ…” ޒޫރިންއަށް ރޭޝްމާގެ އަޑު އިވުމާއެކު ސިޑިން ދުވެފައި ފައިބައިގެން ރޭޝްމާ ހުރި ހިސާބަށް އައެވެ.

“އެ ޓެރެސް އެހެރީ އެއްކޮށް އަދި ނުނިމި، ހަދަން ގެނެސްފައި ހުރި ދަގަނޑުތަކާ އޭތިމީތި އެތާއޮންނާނީ، އެތަނުގައި އުޅެނިކޮށް ރީންއަށް އަނިޔާއެއް ވެއްޖެއްޔާ މާ ދެރަވާނެ، ހިނގާ ކާން، ކައިގެން ނިދަން އޮށޯންނަންވީ، ހެނދުނު އަވަހަށް ތެދުވެގެން ނޫނީ ހުޅުލެއަށް ދާންވާއިރަށް ތައްޔާރެއްނުވެވޭނެ، ރީން ބޭނުންވާ އެއްޗެއް ހުރިއްޔާ މިހާރު ޕެކުކޮށް ނިންމާ”

“އަޅުގަނޑު ހަމަ ރެޑީ، ހުރިހާ އެއްޗެއް ޕެކު ކުރެއްވިއްޖެ”

“ނާޒިލްބެ އަންނާނެ ހެނދުނު އަހަރުމެން ބަލާ” ރޭޝްމާ މިހެން ބުނެ ޒޫރިން ގޮވައިގެން ބަދިގެ ފަރާތަށް ހިނގައިގަތެވެ.

ޒޫރިން އައިސް ކާމޭޒު ކައިރީ އިށީނުމާއެކު ރޭޝްމާ އޭނާއަށް ގޮވާލިއެވެ. އަދި ސިންކު ދޮށަށް އައިސް އަތްދޮވެގެން އިނުމަށް ބުންޏެވެ. އޭރު ރޭޝްމާ ޒޫރިންނަށް ކާން އަޅައިދެނީއެވެ. ތަށިތައް ގެނެސް މޭޒުމަތީ އަތުރާ ނިންމާލަމުން ރޭޝްމާ ވެސް އިށީނީ ޒޫރިންނާއެކު ކާށެވެ. ރަނގަޅަށް ޒޫރިންނަށް ކާންދޭން އޭނާ މަސައްކަތްކުރިއެވެ. އަދި މޭޒުކައިރީ އިނދެގެން ކަމުން ދިޔައިރު ޒޫރިންނަށް ނަޞޭޙަތްދެމުން ދިޔައީ ރޭޝްމާއާ ވަކިން އުޅޭއިރު ވެސް ކެއުމަށް ފަރުވާތެރިވުމަށެވެ. އެއްވަރަކަށް ބޯޖަހާލަ ޖަހާލާ ޒޫރިން އިނީ ރޭޝްމާގެ ހުރިހާ ވާހަކައެއް ޤަބޫލުކުރާކަން އެންގުމަށެވެ.

ހުރިހާ މަސައްކަތެއް ހަމައަށް އެޅި ޒޫރިން ވެސް ނިދަން ކޮޓަރިއަށް ވަނުމުން ރޭޝްމާ ވެސް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި ވަރުބަލިކަން ފިލުވާލާ ތާޒާވެލައިގެން އައިސް ނިދުމަށް އޭނާ ފެންވަރާލަން ފާޚާނާއަށް ވެނެވެ. ފާޚާނާގައި ހުއްޓާ އޭނާގެ ފޯނު ރިންގުވި އަޑު އިވުނުހެން ހީވިއެވެ. އެހެންނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ހަމަޖެހިލައިގެން ފެންވަރައިގެން ރޭޝްމާ ނިކުތެވެ. އަދި އޭނާގެ ދިގު އިސްތަށީގަނޑު ތުވާލި އޮޅާލައިގެން ހުރެ އައިސް ރީތިވާ މޭޒު ކައިރީ އިށީނެވެ. ހަމަ އެވަގުތު ފޯނު ރިންގުވުމާއެކު އިސްކުރީނު ދިއްލުނެވެ. އެއާއެކު ދެ ފަހަރަކު ގުޅާފައި އޮތްތަން ވެސް ފެނުނެވެ.

“މީ ބޮޑުވެއްޖެކަމެއް…. ފަހަތުން ނެއްޓޭކަށް ވެސް މިމީހާ ނޫޅުނޭ” ފޯނަށް ބަލަހައްޓައިގެން އިނދެ ރޭޝްމާ ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާނީ ފޫހިކަމެވެ. ރިންގުވެފައި ފޯނު ކެނޑުމުން ރޭޝްމާ އޭނާގެ ފޯނު ބަލާލިއެވެ. އޭނާއަށް އެވަރަކަށް ގުޅަނީ ފަހުދުއެވެ. ރޭޝްމާ ވަނީ ފަހުދު ކައިރީ ކުރިއަށް އޮތް މަހުގައި އޭނާ މާލޭގައި ނުހުންނާނޭކަމުގައި ބުނެފައެވެ. ދަނީ ކޮންތާކަށް ކީއްކުރަންކަމެއް ރޭޝްމާ އެކަކު ކައިރީ ވެސް ނުބުނެއެވެ. އޭނާގެ ދިރިއުޅުމާ ބެހޭ ކަންތައްތައް އެންމެ ކައިރިން އެނގޭ ހަމައެކަނި މީހަކީ ނާޒިލްއެވެ. އޭނާއަކީ ދުވަހަކު ވެސް ރޭޝްމާ ބަދުނާމު ނުކުރާނޭވަރުގެ ރަޙުމަތްތެރިއެކެވެ.

މަޑުމަޑުން އިނދެގެން އިސްތަށިގަނޑުގައި ފުނާ އަޅާ އޮމާންކޮށްލުމާއެކު އެއްފަރާތަށް އޭނާގެ ފަންއިސްތަށިގަނޑު ގެނެސް ދޫކޮށް ހުންނަގޮތަށް ގަތާލިއެވެ. ހަތަރެސްފައި މޮއިސްޖަރައިޒިންގ ކުރީމު އުނގުޅުމަށްފަހު ނިދާގަޑީގައި މޫނުގައި ހާކާ ކުރީމު ދަޅުން އެތިކޮޅެއް ދެއިނގިލި ކުރިން ނަގާ މޫނުގައި ހާކަން ފެށިއެވެ. ދެއަތުން ރީތިކޮށް މޫނުގައި ކުރީމު ލެވުމުން ރީތިވާ މޭޒުމަތީ ބާއްވާލާފައި އޮތް ތުވާލި ނަގައިގެން ގެނެސް ކޮޓަރީގައި ހުރި ހަރުގަނޑުގައި އަޅުވާލިއެވެ.

އެނދުގެ މަޑުމަޑު ތަންމަތީގައި ރޭޝްމާގެ ހަށިގަނޑު ޖެހުމާއެކު ހަމަޖެހުމުގެ ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވުމާއެކު އެ ސިކުނޑީގައި އެވަނީ ޒޫރިންގެ ޚިޔާލުކަން ޔަޤީނެވެ. ރޭޝްމާގެ ހުރިހާ ވެސް ހަމަޖެހުމަކީ އެއީވިއްޔާއެވެ. ލޯ މަރާލަމުން ނިދޭތޯ އޭނާ މަސައްކަތްފެށިއެވެ.

* * * *

އެނދުގައި އޮތް ބާލީހަށް ރުޅިގަނޑު ބާލަމުން ދިޔަ އީތަން އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. އައިސްފައި އޮތް ރުޅީގައި ފުން ނޭވާއެއް އޭނާ ބޭރުކޮށްލިއެވެ. އެ ނޭވާގައި ވެސް ހީވަނީ ހޫނުކަމެއް އެކުލެފައި ހުރި ހެނެވެ. ދަތްތަކަށް ބާރުކޮށްލަމުން ދެބުމަ ކައިރިކޮށްލާ ކޮންމެ ފަހަރަކު އީތަންގެ ދެލޯ ވެސް ކުޑަކޮށްލައެވެ. އެހާލުގައި އޭނާ އުޅެނިކޮށް ނިދުނީ ފަތިސްވާން އުޅެނިކޮށެވެ.

ދޮރުގައި މީހަކު ޓަކިދޭން ފެށުމުން އީތަން ފުންމައިގެން ތެދުވެ އެންމެ ފުރަތަމަ ވެސް އުޅުނީ ފޯނު ބަލާލާށެވެ. އޭނާއަށް ހީވީ ހަމަ ލޯމެރިލިތަނާ މީހަކު އޭނާއަށް ގޮވިހެނެވެ. އެހެންވެ ބޮލަށް ބަރުވެ އިންތިހާއަށް ވަރުބަލިކަން އިހުސާސްވެގެންދިޔައެވެ. ނިދަން އަތުގައި އޮތް ފޯނު ލެވުނީ ކޮންތާކަށް ކަމެއް ވެސް އީތަންއަކަށް ނޭނގުނެވެ. އެނދުން ފައިބާ ގައިގާ އަޅަން ގެންގުޅުނު ކަވަރުގަނޑު ދަމާ އެނދުން ވައްޓާލިތަނާ އެއާއެކުވެގެން ފޯނު ވެސް ވެއްޓުނު އަޑުއިވުނެވެ. އަވަހަށް ފޯނު ނަގާ ބަލާލިއިރު ހަތެއް ޖަހަނީއެވެ. ރޭގައި ހާސްވެފައި ހުރިވަރުން އޭނާ ނުފައިލަށް ގުޅާފައި ހަމްރާ ފުރުވަން ދާން އޮތްކަން ބުނަން ހަނދާންނެތުނީއެވެ. އެކި ޚިޔާލުތައް ސިކުނޑިތެރެއަށް ޖަމާވަމުން ދިޔައިރު އީތަން އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.

“ދަރިފުޅު ނުހޭލަފާނޭތީވެ މަންމަ މިއައީ، ދެންމެ ދޯ ތި ތެދުވީ” ދޮރުމަތީ ހުރި ހަމްރާ ބުނެލިއެވެ.

“މި ހޭލީ… ކޮންއިރަކު މަންމަމެން ހުޅުލެއަށް ދަނީ” އީތަން ވާހަކަދެއްކިއިރު ވެސް އޭނާގެ ލޮލުން ނިދިނުފިލާކަން ހަމްރާއަށް ފާހަގަވިއެވެ.

“ނުވަގަޑިބައިކަން ހާއިރު، އާދޭ އަވަހަށް ތައްޔާރުވެގެން ސައިބޯން، މަންމަ މިދަނީ ސައިހަދަން” ހަމްރާ މިހެން ބުނެ ގޭތެރެއަށް ވަދެންދިޔައެވެ.

އެނބުރިކޮޓަރިއަށް ވަން އީތަންއަށް އިރުކޮޅަކު ދޮރުގައި ލެނގިލައިގެން މަޑުކޮށްލެވުނެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަންފެށީ އިރުކޮޅެއް ފަހުންނެވެ. ކަންނެތްގޮތަކަށް އައިސް ފާޚާނާއަށް ވަނެވެ.

* * * *

ކޮޓަރިން ނިކުން ކައިލަންގެ ލޮލުގައި އަޅައިގަތީ ހޫނު ސައި ނޫނީ ކޮފީ އަޅާފައި ހުރި މަގުގައި ތުންޖަހަން މަސައްކަތްކުރަމުން ދިޔަ ޖަޒްލާއެވެ. ދެއަތް ފުޅާކޮށްލުމާއެކު އުޅާހަށް ދެމިލާފައި އަތުގައި އޮތް ޓީޝާޓު ލަމުން ކައިލަން އައިސް ޖަޒްލާގެ ގާތުގައި މަޑުކޮށްލިއެވެ.

“ގުޑް މޯނިންގ” ކައިލަން ހިނިތުންވެލިއެވެ. ޖަޒްލާ ވެސް ޖަވާބުދިނީ ހަމަ އެފަދައިންނެވެ.

“ކޮންއިރަކު މާލެ ދަނީ”

“މާލޭ ދާންވީތަ؟ ޖަޒްލާ މާލެ ދާހާ ހަމަޖެހިފަތަ ތިހުރީ، ނޫނީ މާލޭގައި ފައިޖެހުމާއެކު އަނެއްކާ ވެސް އެހެންތަނަކަށް ނައްޓާލަން ބޭނުންވެދާނެ”

“ދެން ތިބުނީ އަހަންނަކީ އެއްތަނެއްގައި މަޑުން ހުރެވޭނެ މީހެއް ނޫނޭތަ؟ އެހާ ވެސް ޒާތްކޮޅު އަހަރެންގެ ބޮޑުތަ” ކައިލަންކޮށްލި ސަމާސާއަކުން ޖަޒްލާ ހިތްހަމަނުޖެހިދާނެކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. އެހެންނަމަވެސް ޖަޒްލާގެ އަޑުގައި ހުރި ހަރުކަށިކަން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ވިސްނާލަން ކައިލަންއަށް މަޖުބޫރުކުރިއެވެ.

“އެއީ އަހަރެން އެހެންބުނި އެއްޗެއްނޫން، މެންދުރުހެން ހީވަނީ ހަމަޖެހޭނީ، އަހަރެން މިހާރު މިގުޅާލާފައި ބަލަނީ” ޖަޒްލާ ކުރި ސުވާލަށް ކައިލަން ޖަވާބުދިނެވެ. އަދި ސިއްރުން ލޮލުގެ ހިމަކޮޅުން އޭނާ ޖަޒްލާއަށް ބަލާލީ އެ އަންހެންކުއްޖާގެ މިޒާޖު ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވާތީ އެހެންވެއެވެ.

ފޯނުން ވާހަކަތަކެއް ދެއްކުމަށްފަހު ޖަޒްލާ ބޭނުންވި އުފާވެރި ޚަބަރު ކައިލަން ދިނެވެ. އެއާއެކު ޖަޒްލާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލައިފިއެވެ. އަދި ކައިލަންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއާ ކައިރިވެލުމާއެކު ޝުކުރު އަދާކުރީ ބޭނުންވެފައި ހުރިކަމެއް ވުމުން އުފާވެފައި ހުންނަ ކުޑަކުއްޖަކު ފަދައިންނެވެ.

“ހިނގާ ސައިބޯން، އަހަރެން ވަރަށް ބަނޑުހައި، ކޮބާތަ ނިހާލު”

“އަހަންނަށް ކިހިނެއް އެނގެނީ އޭނާ ވާތަނެއް، ކައިލަންއާ އެއްކޮޓަރިއެއްގައި އޭނާ ހުންނަނީ”

“ޔަފާ އެބައުޅޭތަ؟”

“ނޫން އޭނާއެއް ވެސް ނެތް”

ތިވީގޮތެއް އެނގިއްޖެ، އަހަރެން ހިތަށްއަރާ ޖޭޒް އަންނައިރު ކީއްކުރަންބާއޭ އެމީހުން ގެންނަނީ، އެ ދެމީހުން މިކަހަލަ ތަނަކަށް އައިސްފިއްޔާ ދެން ނުފެންނާނެ”

ޖަޒްލާ ކޮޓަރިއަށް ވަދެ ސައިމަގު ބަހައްޓާފައި ނިކުމެ ކައިލަންއާއެކު ރެސްޓޯރެންޓަށް ދިއުމަށް ހިނގައިގަތެވެ. އަދި ކައިލަން ގާތު ބުނެގެން ނިހާލަށާއި ޔަފާއަށް ގުޅާ އެމީހުން ވެސް އެތަނަށް އައުމަށް ޖަޒްލާ އެންގިއެވެ. ފުރާގަޑި ޖެހެންވާއިރަށް ދެމީހުން ނައިސްފިއްޔާ އެ ދެ މީހުންނަށް ބެލުމެއްނެތި ކައިލަންއާއެކު ޖަޒްލާ މާލެ ދާނަންކަމަށް ބުންޏެވެ.

* * * *

ހުޅުލެއަށް ދިއުމަށް ލާންޗަށް އެރިތާ ގިނައިރެއްނުވެ ލާންޗު އައިސް ހުޅުލޭ ގިމަތައާ ކައިރިކޮށްލައިފިއެވެ. އެއާއެކު ނާޒިލު ކުރިއަށް ހުރެ ޒޫރިން އާއި ރޭޝްމާ ބޭލުމަށްފަހު ފޮށިތަކާ ހަވާލުވިއެވެ. ތިން މީހުން އެކުގައި ޑިޕާރޗަރއާ ދިމާއަށް ހިނގައިގަތެވެ. ފުރަން އައިސްތިބި މީހުންގެ ތެރޭގައި އެ ވަގުތު ދިވެހިން ވެސް ގިނަކަން ފާހަގަވެއެވެ. ޗެކިންނަށް ވަނުމުގެ ކުރިން ނާޒިލު ފޯނުކޯލެއް ކުރަންޖެހިގެން ރޭޝްމާ އާއި ޒޫރިން މަޑުކޮށްލައިގެން ތިއްބެވެ. ޒޫރިންގެ ދިގު އިސްތަށިގަނޑު ފަހަތަށް އުސްކޮށް ވޫލުކޮޅަކުން އައްސާލާފައި ހުރިއިރު އޭނާގެ މޫނުމަތި ފެންނަނީ ވަރަށް ވެސް ތާޒާކޮށެވެ. ކޮށްފައި ހުރި އާދައިގެ މޭކަޕާއި ތުންފަތުގައި ޖައްސާލާފައި ހުރި މަޑުމަޑު ކުލައިގެ ސަބަބުން އޭނާގެ ޤުދުރަތީ ރީތިކަން ނުގެއްލި ފެންނަވަރުވެއެވެ. ހިމަތޮޅި ހަށިގަނޑާއި ދިގު އިސްކޮޅެއް ލިބިފައިވާ ޒޫރިން ލައިގެން ހުރީ ކަށިމައްޗަށް އަރާވަރުގެ ފަޔަށްހިފާފައި ހުރި ޑެނިމްޖީންސްއެކެވެ. އަދި އެއާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުރި ހުރަސްރޮނގުދެމި އަތްދިގު ޓީޝާޓުކޮޅެކެވެ. އަރާފައި ހުރީ ނޭވީ ޕެޓާންއެއް ހުރި ކެންވަސް ފުލެޓު ސްނީކަރސް އަށެވެ. އޭނާއަށް ބަލާލާ ކޮންމެ މީހަކަށް ޒޫރިންގެ ގައިގާ ޅަގޮތެއް ހުރިކަން ފާހަގަވާނެއެވެ. ދެކޮނޑުގައި އަޅުވާލާފައި އޮތް ބެކްޕެކްގެ ވާގަނޑާ ކުޅެލަކުޅެލާ ޒޫރިން ހުއްޓެވެ.

“ހިނގާ ދަމާ…” ނާޒިލު މިހެން ބުނެލުމާއެކު ރޭޝްމާ، ޒޫރިންގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ. ނާޒިލުގެ ފަހަތުން ކަހަލަ ގޮތަކަށެވެ.

ކުރިއަށް ފިޔަވަޅު އަޅާލި ޒޫރިންގެ ނޭފަތް ތަޅުވާލަމުން ނޭފަތުގެ ކޮޅުގައި އޭނާ ފިރުމާލިއެވެ. އަދި ހައިރާންކަން ލިބިފައި ހުރެ ފަހަތަށް އެނބުރި ހޯދަން ފެށިއެވެ. އޭނާއަށް ދުވަނީ ފިރިހެން ސެންޓެއްގެ ވަހެވެ. މީގެ ކުރިން އޭނާގެ ނޭފަތުގައި ޖެހިފައި ހުރި ވަހެކެވެ. ޔަޤީނުން ވެސް ނާޒިލުގެ ގަޔަކުން ނޫންކަން ޒޫރިންނަށް އެނގެއެވެ. އޭނާ ހިނގައިގަތް ވަގުތު ކައިރިން އަޅާފައި ދިޔަ މީހަކުގެ ގައިން ދުވިވަހެއްކަން ގައިމެވެ. ފަހަތަށް އެނބުރި ހޯދަނިކޮށް ޒޫރިންގެ ލޮލުގައި އަޅައިގަތީ މީގެ ދެތިން ދުވަހެއް ކުރިން މަޖީދީމަގުގައި ހުރި ފިހާރަތަކުން، ފިހާރައަކުން ނިކުން ވަގުތު އޭނާ ޖެހުނު މީހާއެވެ. އެހެންނަމަވެސް މިފަހަރު ވެސް އޭނާއަށް ފެނުނީ ފުރަގަހުންނެވެ. ހަރުކޮށް ހިނގާލާފައި ދިޔަތަނެވެ. އޭރު އޭނާގެ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުއްޓެވެ.

“ލުކް އެޓް މީ… ޕްލީޒް… ޓާން… ޓާން…” ތުންފަތަށް ވެރިވެގެން ދިޔަ ރަކި ހިނިތުންވުމާއެކު ޒޫރިން ހިތާ ހިތުން ކިޔާލިއެވެ.

“ރީން… ތިހެން ނުހުރެ އާދެބަލަ”

ރޭޝްމާ ޒޫރިންގެ އަތުގައި ހިފާ ދަމާލުމުން ހިތްއަވަސްވެފައި ހުރެ ފަހުފަހަރަށް ކަހަލަ ގޮތަކަށް އެ ޒުވާނާއަށް ބަލާލާފައި ޒޫރިން ހިނގައިގަތެވެ.

ފޯނުގައި ހުރި އީތަން ހާސްވެފައި ހުރެ ހޯދަމުން ދިޔައެވެ. ހަމްރާ އާއި ސުފިޔާނުގެ އިތުރުން ޢާއިލާގެ އެހެންމީހުން އޭނާއަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް މާދުރަށް އާދެވުނީކަން އެނގުނީ ޑިޕާރޗަރ ކައިރީގައި ހަމްރާމެން ތިބިކަމުގައި ފޯނުން ވާހަކަދައްކަމުން ދިޔަ އައިދަން ބުނީމައެވެ. އެނބުރިލާފައި ޢާއިލާގެ ގާތުގައި އައިސް އީތަން މަޑުކޮށްލިއެވެ. ވަގުތުން މަންމަގެ ގާތަށް އޭނާ ޖެހިލިއެވެ.

“މަންމަ ގުޅާނަންތަ؟” މަޑުމަޑުން އީތަން އަހާލިއެއް ކަމަކު އެއަޑު ސުފިޔާނަށް އިވުނެވެ.

“އަޅުގަނޑުމެންނަށް އެކޮޅަށް ދެވުނީމަ ގުޅާނަން އިނގޭ މަންމާ” ސުފިޔާނު ނޫންގޮތަކަށް އީތަންއަށް ޖަވާބު ދިނެވެ.

“ބައްޕަމެން ވަންނަންވީނު، މިހާރު ތަންކޮޅެއް ލަސް ވެސް ވެއްޖެހެން އަޅުގަނޑަށް ހީވަނީ” އައިދަން ބުނެލިއެވެ. އެއާއެކު ސުފިޔާނު ބޯޖަހާލިއެވެ. އަދި ހަމްރާ ފެނުނީ އެހެންކުދިންނަށްވުރެ ބޮޑަށް އީތަންގެ ގައިގާ ބައްދާލިތަނެވެ. އެހެންކުދިންނަށްވުރެ ގިނައިން އެންމެ ފަހު ވަގުތު ވެސް އީތަންއަށް ނަޞޭޙަތްދިންތަނެވެ.

ހަމްރާ އާއި ސުފިޔާނު ލޯމަތިން ގެއްލެންދެން ބަލަން ހުރި އީތަންގެ އަތުގައި އައިސް ހިފާލީ ރާބިއާއެވެ. އަނެއްކޮޅުން އައިސް އޭނާގެ ކޮނޑުގައި އައިދަން އެއްއަތް ބާއްވާލިއެވެ.

“ހިނގާ ދަމާ، އެހެންނޫނީ މާބޮޑަށް ލަސްވެދާނެ، އޮފީސް ވަގުތެއްނު މީ” އައިދަން ބުނެލިއެވެ.

“އެއީ ތެދެއް، މަންމަމެންނަށް އެކޮޅަށް ދެވުނީމަ ގުޅާނެއެއްނު” ރާބިއާ އީތަންގެ އަތަށް ދަމާލުމުން އޭނާއާއެކު އީތަން ހިނގައިގަތެވެ. އެމީހުންނާއެކު ތިބި އައިދަން އާއި އައިނީ ވެސް ހިނގައިގަތެވެ.

“މާމަ ގެއަށް ލާން ދާނީ އަޅުގަނޑު” ހުޅުލެއިން މާލެ އައި ލާންޗު ތޮށިގަނޑާ ކައިރިކޮށްލުމާއެކު އީތަން ބުނެލިއެވެ. އަދި އޭނާގެ އެހީގައި މާމަ ރާބިއާ ލާންޗުން ބޭލުމާއެކު އައިދަންއަށް ބަލާލީ އޭނާ ބުނާ އެއްޗެއް އަޑުއެހުމަށެވެ.

ތޮށިގަނޑުމަތީ ފުރަން އައިސް ތިބި މީހުންނާއި ހުޅުލެއިން މާލެއަށް އައި މީސްމީހުންގެ ތެރެއިން އައިދަން އޭނާގެ ޢާއިލާގެ މެންބަރުން ގޮވައިގެން އެއްފަރާތައް ޖެހިލިއެވެ. އޭރު މާ ދުރު ނޫން ހިސާބެއްގައި ޕާކުކޮށްފައި އޮތް ޕްރައިވެޓް ކާރަށް އޭނާ އަތްހޫރާލިއެވެ. އެވަގުތު އެއިން ނިކުންތަން ފެނުނީ ޖަލާލުއެވެ.

“ޖަލާލު އެހުރީ އަޅަގަނޑުމެން ބަލާ އައިސް، އެންމެނަށް އެ ކާރުގައި ގެއަށް ދެވޭނެ، އައިނީ އާއި މާމަ ގެއަށް ލާފައި ދާ މަގުމަތީ ކޮއްކޮގެ އޮފީހާ ކައިރިކޮށްލާނަން، އޭރުން ކޮއްކޮ ވެސް ހިނގާފައި ދާކަށް ނުޖެހޭނެއެއްނު” އައިދަން މިހެން ބުނުމުން އެކަމާ ދެކޮޅު ހަދާކަށް އީތަން ވެސް ބޭނުމެއްނުވިއެވެ.

“ތި އައީ ދޯ… ހިނގާބަލަ ކޮފީއަކަށް، މިއަދު އީތަން ނެތީމަ އެކަހަލަ ކަމަކު ވެސް ބޭރަށް ނުނިކުމެ މިއުޅެނީ” ނުފައިލު އޭނާގެ ކެބިންނާ ދިމާއަށް ފައިލުތަކެއް ހިފައިގެން އައިސް ވަންނަނިކޮށް އޮފީހަށް ވަދެގެން އައި އީތަން ފެނި ބުނެލިއެވެ.

“އަޅުގަނޑު ދެންމެއެއްނޫންތޯ އޮފީހަށް މިއައީ، އެހާ ގިނައިން ބޭރުގައި އުޅުން އެއީ ރަނގަޅުކަމަކަށް ނުވާނެ ނޫންތޯ، އަދި މިއަދުގެ މަސައްކަތްތައް ނުފެށޭ” ނުފައިލުގެ މަގުޞަދު ސާފުނުވާތީވެ ދެ ޚިޔާލެއްގައި ހުރެފައި އީތަން ބުނެލިއެވެ.

“އަހަންނެއްނު އީތަންގެ މަސައްކަތްތައް ބަލަން ހުންނާނީ، އެހެންވީމަ އަހަންނާއެކު ބްރޭކަކަށް ދިއުން އެއީ މަސައްލައެއް ނޫނެއްނު، ސޯ ލެޓްސް ގޯ… އެކަމް އިހަށް އަންނާނަން މި ފައިލުތައް ބަހައްޓާލާފައި” ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކި ނުފައިލު ގޮސް އޭނާގެ ކެބިންނަށް ވަނެވެ. އޭނާ ނިކުންނަންދެން އީތަން އޭނާގެ މޭޒުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

ނުފައިލު އާއި އީތަން އައިސް އެރީ ސިޓްރޮން ރެސްޓޯރެންޓުގެ މައްޗަށެވެ. ދެމީހުންނަށް އިށީނދެވޭގޮތަށް ޚާއްޞަކުރެވިފައި ހުރި މޭޒުތަކުންގެ ތެރެއިން މޭޒެއްގައި އެ ޒުވާނުން އިށީނެވެ. އޯޑަރ ދިނީ ވެސް ނުފައިލެވެ. އީތަންއަށް ބަލާލުމުން އޭނާ ވެސް ބޭނުންވީ ކޮފީއެކެވެ.

“މާދަމާ އޮތް މީޓިންނަށް އަހަންނާއެކު އީތަން ވެސް ދާންވާނެ، ރަޝާދުމެންގެ ކުންފުންޏަކީ އަހަރުމެންނާ ދާދި އެއްމަސައްކަތެއް ކުރާބައެއް، އަހަންނަށް އެނގޭ އީތަން އަދި މަސައްކަތަށް ވަރަށް އާކަން، އެހެންވެ އަހަންނާއެކު ތަންކޮޅެއް ގިނަ ވަގުތު އުޅެން އެބަޖެހޭ… އަހަރުމެންގެ ކޮމްޕެޓިޓަރސް ވަރަށް ގިނަ، އެމީހުންނާ ފެމީލިއަރ ވެލަން އީތަން ޖެހޭނެ، އީތަންއަކީ ޖަލާލުއާ ވަރަށް ގާތް ޒުވާނެއްކަން އަހަންނަށް އެނގޭ، އެހެންވީމަ އަހަންނަށް މިހާރު އޮފީސްތެރޭގައި އެންމެ އިތުބާރު ކުރެވޭނެ މީހަކަށް ހުރީ އީތަން، ވަރަށް އެހެންކަހަލަ ކަމެއް ކުންފުނީގެ ތެރޭގައި ހިނގާތީ އެކަމާ އަހަރެން މިހުންނަނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައި، އެކަން ކުރަނީ ކޮންމުވަޒަފެއްކަމެއް އަހަންނަކަށް ނޭނގޭ، މިހާތަނަށް ފާހަގަކުރެވުނު އެންމެ ވަރުގަދަ ކޮމްޕެޓިޓަރއަކީ ރަޝާދު… އަހަންނަށް ފާހަގަ ކުރެވިގެން މިއުޅެނީ އަހަރުމެންގެ އައިޑިއަރސް އެމީހުންނާ ހަމައަށް ކޮންމެ ވެސް ފަރާތަކުން އެބަ ފޯރުކޮށްދޭކަން، މިކަހަލަ ކަންކަމަކީ ނުބަލާ ދޫކޮށްލެވޭވަރަށްވުރެ މާބޮޑެތި ކަންކަން އީތަންއަށް ވެސް އެނގޭނެހެން ހީވަނީ، ކޮންޕެނީގެ ހާލަތު ރަޝާދުމެންނަށް އެނގޭހެން ވެސް މަށަށް ހީވޭ، ހީޒް ޕްލެއިންގ އަ ވެރީ ޑޭންޖަރަސް ގޭމް، މިއީ އަހަރެންގެ ބައްޕަގެ މިންނަތް މަސައްކަތުން ކޮޅަށް ޖަހާފައި ހުރި ވިޔަފާރިއެއް، ދުނިޔޭގައި ބައްޕައެއް ނެތް މިހާރު، ކުންފުނި ބަނގުރޫޓުވެ ނޫނީ ބޮޑުތަޅުއަޅުވަންޖެހޭ ދުވަހެއް ދުށުމަކީ އަހަންނަށް ކެތްވާނެކަމެއްނޫން، އަނެއްކޮޅުން މި ކުންފުންޏަކީ މަންމަގެ ހިތްހަމަޖެހުން، ދެއަރސް ނޯ ވޭ އައި އޭމް ގޮއިންޓު ލެޓް ދިސް ކޮމްޕެނީ ގޯ… ހަމަގައިމު ވެސް ބޮޑުހަނގުރާމައެއް ކޮށްގެން ނޫނީ އެކަމެއް ނުވާނެ” ނުފައިލުގެ މޫނުމަތިން އޭނާ އެ ދައްކާ ވާހަކައިގެ ސީރިއަސްކަން އީތަންއަށް ދެނެގަނެވުނެވެ. ކުންފުންޏަށް ކުޑަ ވެސް ލޮޅުމެއް އެރުމަކީ ނުފައިލު އަޅާނުލާ ހުންނާނެކަމެއް ނޫންކަން އީތަންއަށް ވިސްނުނެވެ. އަނެއްކޮޅުން ނުފައިލަކީ އީތަންގެ ބޭބެމެން އުމުރުގެ ޒުވާނެކެވެ. އެހެންނަމަވެސް މަސައްކަތުގެ ތަޖުރިބާ ހުރިކަން އީތަންއަށް ފާހަގަކުރެވުނެވެ. ވިޔަފާރީގެ ދުނިޔޭގައި ހިނގުމަކީ ނުފައިލަށް އުނދަގޫކަމެއް ނޫނެވެ. ކޮންމެއަކަސް ނުފައިލުގެ ވާހަކަތަކުން އީތަންއަށް އޭނާގެ ބައްޕަ ސުފިޔާނުގެ މަސައްކަތާމެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ.

“ކާފަ މިއަދު ދުނިޔޭގައި ނެތުމަކީ މާމަ އެކަނިވެރިވާނޭކަމެއް، ކާފައާ ގުޅިފައިވާ ހަނދާނެއް ރޫބީ ކުންފުންޏަކީ، ބައްޕަގެ ހުރިހާ ވަގުތެއް އެ ކުންފުންޏަށް އެ ދެނީ ކާފަގެ މަސައްކަތް ގެއްލުނަ ނުދޭން، ނުފައިލު ވެސް އެ އުޅެނީ އޭނާގެ ބައްޕަގެ ބުރަ މަސައްކަތް ބޭކާރުވެ އުވިގެން ހިނގައިދާނޭތީވެ… އޭނާއެކޭ އަހަރެންގެ ބައްޕައެކޭ ވިޔަފާރީގައި ތަފާތެއްނެތް، އެކަމަކު އަހަރެން… އަހަރެން މީ ކޮންކަހަލަ ދަރިއެއް… ބައްޕަ ނެތް ދުވަހެއް އައިސްފިނަމަ އަހަރެން އެ ބައްޕައަށް ކޮށްދޭނީ ކޮންކަމެއް…. މަންމަގެ ހިތާމަތައް ލުއިކޮށްދޭން އަހަރެން ކޮށްދޭނީ ކޮންކަމެއް؟ ބައްޕަ، މާމައަށްޓަކައި ކާފަގެ މަސައްކަތްތައް ދެމެހެއްޓުމަށް މަސައްކަތްކުރި ގޮތަށް މަންމައަށްޓަކައި އަހަރެން ވެސް ބައްޕަގެ ފިޔަވަޅުމަތީ ފައިތިލަ ސާބިތުކުރުން އެއީ މާމަ އާއި މަންމަ ވެސް ބޭނުންވާނޭ ގޮތްކަން ޔަޤީން، ދޭ އެކްސްޕެކްޓް މޯ ފްރޮމް މީ… އަހަރެންދެކެ މާމަ އާއި މަންމަ ވަރަށް ލޯބިވޭ، ޢާއިލާގެ ވިޔަފާރީ ބެލެހެއްޓުމުގައި އަހަރެން ބައިވެރިވުމަކީ އެމީހުން ދެކެމުން އަންނާނެ ހުވަފެނެއް، އެކަމަކު… އެމީހުން… އެމީހުން އަހަންނަށް މަޖުބޫރެއް ނުކުރާނެ….”

“އީތަން… ހެލޯ… ކޮންކަމަކާ ތި ވިސްނަނީ” އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އީތަން އިންނަތާ ގިނައިރުވުމުން އޭނާއަށް ނުފައިލު ގޮވާލިއެވެ.

“އަޅުގަނޑަށް އެއްގޮތަކަށް ވެސް ވިޔަފާރީގެ ކަންތައްތައް ހުންނަގޮތެއް ތަޖުރިބާކުރެވިފައެއްނެތް، އެހެންވީމަ ލަފައެއް ދޭން ވެސް ނޭނގިފައި މި އިންނަނީ، އެކަމަކު އަޅުގަނޑަށް ކޮށްދެވެން އޮތް ކަމެއްވިއްޔާ ކޮށްދޭން ތައްޔާރަށް މިހިރީ، ނުފައިލު ވިދާޅުވޭ އަޅުގަނޑުގެ އެހީއެއް ބޭނުންވީމާ”

“ދެތިން މަސް އަހަންނާއެކު މަސައްކަތުގައި އުޅެލީމާ އީތަންއަށް ހުރިހާ ކަމެއްހެން އެނގިދާނެ، ކޮންމެ ކަމެއްގައި ވެސް އަނދިރިފަރާތެއް އޮންނާނެކަން އީތަން ދަންނާތި، ލުކް ފޯވަޑްކުރެވޭ ގިނަ މުއްދަތަކަށް އީތަންއާއެކު އަހަންނަށް މަސައްކަތްކުރެވޭނެކަމަށް، ފަރުވާތެރިކަމާއި ޒިންމާދާރުކަމަކީ މީހާ ކުރިއަށް ގެންދާނޭ ފައިސާ ފޮތީގެ އެއްފަރާތް، އަނެއްފަރާތުގައިވަނީ ތިމާގެ ތެދުވެރިކަމާއި އަމާނާތްތެރިކަން. އެކަންތައްތައް ތިމާއަކީ ލަޔާޤާތްތެރި މީހަކަށް ހަދައިދޭނެކަން ޔަޤީން، ޔޫ ހޭވް އިނަފް ޕޮޓެންޝިއަލް، ޔޫ ވިލް ޑޫ ބެޓަރ… އައި ނޯ ދެޓް…” ނުފައިލުގެ ވާހަކަތަކުން މީގެ ކުރިން އީތަންއަށް ނުލިބޭ ހިތްވަރަކާއި ވަކިގޮތެއް ހުރުމަށް އަޒުމެއް ކަނޑައެޅުމަށް ބާރު ލިބިގެންދިޔައެވެ. އެވަގުތު ބަޔާންކުރަން އުނދަގޫ އެހެންނަމަވެސް އީތަންގެ ހިތާއި ރޫހަށް މުސްތަޤުބަލުގެ އުންމީދު އާކޮށްދިން ފިނިފިނި ވައިރޯޅިއެއްގެ އިހުސާސް ކުރެވިގެން ދިޔައެވެ.

އީތަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވުމާއެކު އޭނާގެ ނަޒަރު ނުފައިލަށް ސީދާކޮށްލިއެވެ. ހަމަ އެވަގުތު އީތަންގެ ފޯނު ރިންގުވާން ފެށިއެވެ. އެހިނދު މޫނުމަތީގެ ކުލަ ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެބުމަ ކައިރިކޮށްލުމާއި ތުންފަތަށް ހަދާލި ގޮތުގެ އިތުރުން އީތަންގެ ލޮލުން ވެސް ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ. އެ ހުރިހާ ކަމެއް އޭނާގެ ކުރިމަތީ އިން ނުފައިލަށް ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ.

“އެކްސްކިއުޒް މީ…” އީތަން ފޯނަށް ބަލާލަފައި ނުފައިލަށް ބުނެލިއެވެ. އެއާއެކު ނުފައިލު ބޯޖަހާލީ އީތަންގެ ފޯނަށް ޖަވާބުދިނުމުގެ ހުއްދަ ދިނުމުގެ ގޮތުންނެވެ. އަދި އޭނާގެ ނަޒަރު ކުރިމަތީ ހުރި ކޮފީތަށްޓަށް ހުއްޓާލިއެވެ.

ރެސްޓޯރެންޓުގައި މީހުން މަދު ވަގުތަކަށްވާތީ ހުސްމޭޒުތައް ގިނައެވެ. އީތަން ގޮނޑިން ތެދުވެގެން އެއްފަރާތަށް ޖެހިލީ އެކަހެރި ވެލައިގެން ހުރެ ފޯނަށް ޖަވާބުދޭށެވެ. އެ ފޯނުކޯލަކީ ޖަޒްލާގެ ފޯނުކޯލަކަށް ވީމައެވެ. ހަމައެއާއެކު އެ ދެމެދުގައި ދެކެވޭ ވާހަކައަކީ އޭނާގެ ވެރިޔާގެ ކަންފަތަށް އިވުން މުހިންމު ވާހަކަތަކަކަށް ނުވާތީއެވެ.

“މިވަގުތު އަހަރެން މި އިނީ ބޮސްއާއެކު މީޓިންއެއްގައި، އަހަރެން ޖޭޒްއާ ދައްކަން ހުރި ވާހަކަތައް ފޯނަކުން ނުދެއްކޭނެ، މިހާރު ތިހުރީ މާލޭގައި ނަމަ އަހަރެން އޮފީސް ނިންމާފައި ތިގެއަށް ދާނަން” ހުއްޓުމެއްނެތި އީތަން ބުނެލިއެވެ.

“މިހިރީ މާލޭގައި، އަހަރެން ބަލާނަން އީތަންއަށް އާދެވޭތޯ ތި އޮފީހެއް ނިންމާފައި” ޖަޒްލާ މިހެން ބުނުމާއެކު ފޯނު ކަނޑާލައިއެވެ. އެހިނދު ކުރިއަށްވުރެ ވެސް ބޮޑަށް އީތަންގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ. ފޯނުގެ އިސްކުރީނަށް ބަލާލާފައި ފަޓުލޫނު ޖީބަށް އެ ލިއެވެ. އަދި ހަމަޖެހޭ ގޮތް ދައްކާލަމުން އައިސް ނުފައިލު އިން މޭޒުގެ ދޮށުގައި އިށީނެވެ.

އޮފީހަށް އައިސް ވަނުމާއެކު އީތަންގެ މަސައްކަތްތައް ފެށިއެވެ. ނުފައިލު ވެސް އޭނާގެ ކެބިންގައި އިނދެ ކުރަން ހުރި ކަންކަން ކުރަމުން ދިޔައެވެ. އާންމުކޮށް ނިމޭގަޑިއަށް އޮފީހުގެ މުވައްޒަފުން ނިކުންނަން ތައްޔާރުވަމުން ދިޔަ ނަމަވެސް އީތަންއަށް އިނީ ނުނިކުމެވިފައެވެ. ކޮންމެހެން ޗެކު ކުރަންވެފައި ހުރި އިންވޮއިސްތަކެއް ބަލަން ޖެހިގެންނެވެ. އޭނާ އެތަނުން ދިޔަ ނަމަވެސް އޮފީހުން އެންމެ ފަހުން ނިކުންނަ މީހަކީ ނުފައިލެވެ. އޭނާއަކީ ތަނުގެ ވެރިމީހާއަށް ވިޔަސް އޭނާ އުޅޭލެއް ބުރަކަން އީތަންއަށް ފެނެއެވެ. އެހެންވެ މަސައްކަތް ބަހައްޓާފައި ދިއުމަކީ ރަނގަޅުގޮތެއް ނޫންކަން އޭނާއަށް ވެސް ޤަބޫލުކުރެވުނީއެވެ.

“މިއަދު ވަރަށް ލަސްވެއްޖެ ދޯ، މިހެން ބައެއް ދުވަސްދުވަހު މަސައްކަތް ހުންނަ ގޮތުން އިރުކޮޅަކު މަޑުކޮށްލަން ވެސް ޖެހިދާނެ” އީތަން ބަލާ ރަނގަޅުކުރި އިންވޮއިސްތައް ހިފައިގެން ނުފައިލުގެ ކެބިންނަށް ވަންތަނާ އޭނާ ބުނެލިއެވެ.

“އިޓްސް އޯކޭ، މިހާރު މިހިރީ ފައިނަލް ކުރެވިފައި، ރަނގަޅު ކުރަންޖެހޭ ތަންތަންކޮޅު ރަނގަޅު ވެސް ކޮށްލައިފިން”

“ގުޑް… ދެން އެންމެ ރަނގަޅު އީތަން ގެއަށް ދިޔަޔަސް”

ނުފައިލުގެ ނަޒަރު އިންވޮއިސްތަކަށް ހުއްޓުމުން އީތަން އެ ތަނުން ނިކުތެވެ. އަދި އައިސް އޭނާގެ މޭޒުމަތީ ހުރި ޑެސްކުޓޮޕް ނިއްވާލާފައި މޭޒުގެ ވަތްގަނޑު ތަޅުލުމާއެކު އޮފީހުން ނިކުންނަން އޭނާ ދިޔައެވެ.

އީތަން އޮފީހުން ނިކުން ގޮތަށް ޖަޒްލާއަށް މެސެޖުކޮށްލިއެވެ. އޮފީހުން ނިމުނީ ދެންމެ ކަމުގައި ބުނެއެވެ. އަދި މަގު ހިނގުމުގައި ގެއާ ދިމާއަށް ދިޔަ އީތަން އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ހިނގުން ބާރުކޮށްލިއެވެ. އިތުރަށް ލަސްވާކަށް އޭނާ ބޭނުމެއްނޫނެވެ. ގެއަށް އައިސް އީތަންއަށް ވަދެވުނީ ފަހެއްޖެހި ފަހުންނެވެ. ބަނޑުހައިވެފައި ހުރިކަމުގެ އިޝާރާތް އޭނާގެ ގޮހޮރުން ކުރަމުން ދިޔަ ނަމަވެސް އީތަން އަވަސްވެގަތީ ފެންވަރާ ތާޒާ ވެލާށެވެ.

އޮފީހުން ގެއަށް އައިތާ ގިނައިރުތަކެއް ނުވެ އީތަން އައިސް ޖަޒްލާ މެންގެއަށް ވަނެވެ. އޭރު ނައޫފްއާއެކު ޓީވީ ބަލަން އިނާޔާ އިނެވެ. އީތަން ފެނުމާއެކު އިނާޔާ ހިނިތުންވެލުމާއެކު ސޯފާއިން ތެދުވިއެވެ.

“ޖަޒްލާ ވެއްޖެ ކޮޓަރީގައި، ދެންމެ ސައިބޮއެގެން އެ ދިޔައީ، އީތަން އަންނަންވީނު ސައިބޯން” އިނާޔާ ބުނެލިއެވެ

“އަޅުގަނޑު ޖޭޒް ކައިރިއަށް ގޮސްލާފައި އަޔަސް އެންމެ ރަނގަޅުތޯ” އީތަންގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އިނާޔާއަށް ފާހަގަވިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ. އިތުރަށް އީތަން ހުއްޓުވަން ނޫޅުނީ އޭނާއަށް ވެފައި އެހުރީ ކިހިނެއްކަން އިނާޔާއަށް އެނގޭތީއެވެ. އޭނާގެ ދަރިފުޅުގެ ގޮތް އިނާޔާއަށް އެނގެއެވެ. އީތަން އާއި ޖަޒްލާއާ ދެމެދު ދެބަސްވުންތައް ހިނގާކަން ވެސް އިނާޔާއަށް އެނގެއެވެ. އެ ދެކުދިން އެކުގައި މިހާ ދުވަހު އުޅޭތީ ވެސް އިނާޔާ ހައިރާންވެއެވެ.

“އަންނަން އެނގިއްޖެ ދޯ” ކޮޓަރިއަށް ވަން އީތަން ފެނުމާއެކު ޖަޒްލާ ހަޅޭލަވައިގަތެވެ. އޭރު އަދި އީތަންއަށް އެ ކޮޓަރިއަށް ރަނގަޅަށް ނުވެސް ވަދެވެއެވެ.

“ޖާޒްތައް ތިހެން ބުނަންވީ، ނޫނީ އަހަރެންތަ؟ ކޮންތާކު އުޅެފައި ތިއައީ… އަހަންނާ ރައްޓެހިވެގެން އުޅެނީ، އެކަމަކު ޖޭޒް ބޭނުންވީމާ ބޭނުންހާ ތަނަކަށް ނައްޓާލަނީ، އަހަންނަށް އަންގާލުމެއް ވެސް ނެތް…” ކޮޓަރީގެ ދޮރު ލައްޕާލުމާއެކު އީތަން ވެސް ނުރުހިފައި ވާހަކަދައްކަންފެށިއެވެ.

“ކިތައް ފަހަރު އަހަރެން ގުޅިތޯ ބެލިންތަ؟ އީތަން ފޯނު ގެންގުޅެނީ ކީއްކުރަންތަ، ތިއަށްވުރެ މާރަނގަޅުވާނެ ތި ފޯނުގަނޑު އެއްލާލިޔަސް، އޭރުން އަހަންނަށް ވެސް އެނގޭނެވިއްޔާ އީތަން އަތުގައި ފޯނެއް ނެތީމާކަން ޖަވާބެއްނުލިބެނީ”

“އަހަރެން ނުބުނަންތަ އޮފީހުގައޭ، އެހެންނޫނަސް މީ އަހަރެން އޮފީހަށް ވަންތާ ކުރީކޮޅު، އަހަރެން ބޭނުމެއްނޫން އޮފީހުގައި އަބަދު ޖޭޒް ފޯނުގައި އިންނާކަށް، ޖޭޒްއަށް އެވަރެއް ނުވިސްނޭތަ؟ ހަމަ ރަނގަޅަށް އެނގޭނެ އަހަންނަށް ވަގުތެއްވާއިރަށް އަބަދު އައިސް ޖޭޒް ކައިރީގައިކަން މިހުންނަނީ، އެވަރުން ވެސް އިތުބާރެއް ނުކުރެވެނީތަ؟”

“މަށަށް އެނގެޔޭ ތި އޮފީސްތަކުގައި މީހުން ގަންނަ ގަނޑު… ދެން ބަޒީ ވެސް ވާނެ، މީޓިންތައް ވެސް ގިނަވާނެ، އޮފީހަށް ދާންޖެހޭ ވަގުތުތައް ވެސް ގިނަވާނެ”

“ކީކޭ ކިޔަންތަ ޖޭޒް ތިއުޅެނީ، އަމިއްލަ ކުށް ޤަބޫލުކޮށްގެން ނުވަނީތަ؟ އެހެންވެތަ މުޅިން އެހެން ދިމާއަކަށް ވާހަކަ ތި އަނބުރާލީ….”

“އަހަރެން ކުށެއްކުރިންތަ؟ ބަލަ މީ އަހަރެންގެ މިނިވަންކަމެއްނު، އަހަރެން މިއުޅެނީ އީތަންއާ އިނދެގެނެއްނޫނޭ، އިނދެގެން ހުރި ނަމަ އަހަންނަށް ހީވަނީ އަދި މިވަރު ވެސް ނުވާނެ ކަންނޭނގެ، އޭރުން އަދި މާގިނަ ބަހަނާ އޮންނާނެ ދައްކަން”

ޖަޒްލާ އާއި އީތަންގެ ދެމެދުގައި ބޮޑު ޒުވާބެއް ފެށިގެން ދިޔައެވެ. ދެމީހުން ދެމީހުނަށް އެއްޗެހި ގޮވަމުން ގޮސް އެންމެފަހުން ޖަޒްލާ، އީތަންއާ އޮތް ގުޅުން ކަނޑާލާ ހިސާބަށް ކަންތައް ދިއުމުން އީތަން ހުއްޓާލިއެވެ. އަދި އެ ކޮޓަރީގައި ހުރި ސޯފާގައި އޭނާ އިށީނދެ ކަކުލުގައި އުޅަންބޮޑިކޮޅު ޖައްސާލައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނެވެ.

“ޖޭޒްއަށް ނޭނގުނަސް އަހަރެން ޖޭޒް ނޫން މީހަކު ދެކެ ލޯއްބެއް ނުވޭ، އެހެންމީހަކު ދެކެ ލޯއްބެއް ނުވެސް ވެވޭނެ، އަހަރެން ބޭނުންވަނީ ޖޭޒްއާއެކު ލައިފެއް ފަށަން، އަހަރެން ޖޭޒްއާ ގުޅިގެން، އަހަރުމެންގެ މައިންބަފައިން ބުރަ މަސައްކަތުން ހޯދި ފައިސާގައި އަމިއްލަ ދިރިއުޅުން ބިނާކުރާކަށް ބޭނުމެއްނޫން… އެއީ އެއްވެސް އިރަކު އަހަރެން ބޭނުންވި ގޮތެއް ނޫންކަން ޖޭޒްއަށް އެނގޭނެ… އަހަރެންގެ މަންމަ މިއަދު ބޭރަށް ފުރައިފި ބޭހަށް… އަހަންނާއެކު ޖޭޒް ހުންނަން އަހަރެން ވަރަށް ބޭނުންވި، އެކަމަކު ޖޭޒްވީ ކޮންތާކުކަމެއް ވެސް އަހަންނަކަށް ނޭނގުން…” އީތަންގެ ވާހަކަތައް އިވުމުން ޖަޒްލާ ވެސް މައިތިރިވިއެވެ. އަދި މަޑުމަޑުން އީތަންގެ ވާހަކަތައް އަޑުއަހަން އިނދެފައި އައިސް އީތަންގެ ގާތުގައި ސޯފާގައި އިށީނެވެ.

“ސޮރީ…” އީތަންގެ މަޑުމައިތިރިކަން އެކުލެވިފައިވި އަޑާއެކު ޖަޒްލާގެ ހިތްވެސް މަޑުވީއެވެ. އޭނާ ރުޅި އައިސްގެން އެއްޗެހި ކިޔެއްކަމަކު އެ ހިތުގައި އީތަންއަށްޓަކައި ލޯބިވެއެވެ. ދެމެދުގައި އޮތް ގުޅުން ކަނޑާލަން ޚުދު ޖަޒްލާ ވެސް އަދި ބޭނުމެއްނޫނެވެ. އެހެންވިޔަސް އައިސްފައި ހުންނަ ރުޅިގަނޑެއްގައި އޭނާއަށް ކިޔޭ ނުކިޔޭއެއް ނޭނގޭ ހިސާބަށް ވެސް ކަންތައްތައް ގެންދެވެނީއެވެ.

ޖަޒްލާގެ އަތުގައި ހިފާލުމާއެކު އޭނާއާ ގާތަށް އީތަން ޖެހިލިއެވެ. ކިތަންމެ ބިޒީކޮށް އުޅުނެއްކަމަކު ޖަޒްލާއަށް އަންގާލާނަން ކަމުގައި ބުންޏެވެ. އަދި ޖަޒްލާ ބޭނުންތަނަކަށް ދިއުމަކީ ޖަޒްލާގެ މިނިވަންކަން ކަމުގައި ވިޔަސް އީތަންއަށް އަންގާލުމަށް އޭނާ އެދުނެވެ. އެކަމާ ޖަޒްލާ ވެސް އެއްބަސްވީ އެއީ ރަނގަޅު ވާހަކަތަކެއްކަން އޭނާއަށް ވެސް ވިސްނިގެންނެވެ. އީތަންއާއެކު ދިރިއުޅުމެއް ފެށުމަކީ އޭނާ ވެސް ބޭނުންވާގޮތެވެ. އެހެންނަމަވެސް އެއީ ކޮންއިރަކުން ކަމެއް އަދި ޖަޒްލާ ވިސްނާފައެއް ނުވެއެވެ. އޭނާ ކައިވެންޏަކާ ހަމައަށް ދާން އަދި ގަސްދެއްނުކުރެއެވެ.

* * * *

ލަންކާއަށް އާދެވުމާއެކު ރޭޝްމާ އާއި ޒޫރިން ތިބީ އެ ތަނުގައި ނާޒިލު ކުއްޔަށް ހިފާފައި ހުރި ގެއެއްގައެވެ. ބުރިބުރިއެއް ނަގާފައި ނެތަސް ތަނަވަސް ބޮޑު ގެއެކެވެ. ގޭޓުން ވަންނައިރު އެކި ދިމަދިމާގައި ގަސްތައް އިންދާފައި ހުއްޓެވެ. މާގަސްތައް ފެންނަނީ ވަރަށް މަދުންނެވެ. ފެހިކުލަ ތަފާތު ގަސްތައް މުށިގަނޑުތަކުގައި އާއި ބިމުގައި އިންދާފައި ހުއްޓެވެ. ނާޒިލުމެން އެގެއަށް އައިއިރު ދެބައިއުމުރަށްވުރެ ވެސް މައްޗަށް ގޮސްފައި ހުރި ލަންކާ މީހަކު ގޭޓު ކައިރީ ހުއްޓެވެ. ގޭގެ ތަޅުދަނޑިފަތި ނާޒިލުއާ ހަވާލު ކުރީ އޭނާއެވެ. އަދި އޭނާ ގާތު ނާޒިލު ވަރަށް ގިނަ ވާހަކަތައް އެހިއެވެ. ގޭގެ ކަންކަން އިންތިޒާމު ކުރެވިފައި ހުރި ގޮތާ ބެހޭ ގޮތުންނެވެ.

ޒޫރިން ކުޑަކުއްޖަކު ފަދައިން ރޭޝްމާގެ ގާތުގައި ކުސްތަޅާލީ އޭނާ އަންހެން ކުދިންގެ ހޮސްޓެލްއަށް ނުދާނެކަމުގައެވެ. ޒޫރިން ބޭނުންވަނީ ނާޒިލުގެ ގޭގައި ރޭޝްމާ އާއިއެކު އޭނާގެ ކިޔެވުން ނިމެންދެން ހުންނާށެވެ. އެކަމާ ރޭޝްމާ އެއްގޮތަކަށް ވެސް ޤަބޫލެއް ނުވިއެވެ. އޭނާއަށް ނާޒިލު ހިފާފައި ހުރި ގެއަކީ ކޮންބޭނުމަކު ހިފާފައި ހުރި ގެއެއްކަން އެނގެއެވެ. މިހާރު އެގޭގައި އެއްވެސް މީހަކު ނެތް ނަމަވެސް އެގެއަކީ އަހަރުގެ ހުރިހާ ދުވަހެއްގައި އެގޮތަށް އަމާންކޮށް އޮންނަ ގެއެއް ނޫނެވެ. ޒޫރިންއަށް ވިސްނައިދޭން ނާޒިލު ވެސް މަސައްކަތްކުރިއެވެ. ނާޒިލު އާއި ރޭޝްމާގެ އަނދިރިފަރާތެއް އޮންނަކަން ޒޫރިންނަށް އެނގޭކަށް އެ ދެމީހުންކުރެ އެކަކު ވެސް ނޭދެއެވެ.

ދެ ދުވަހެއްގެ ތެރޭގައި ޒޫރިންގެ ކިޔެވުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައެވެ. އޭނާ ހިތްހަމަޖައްސައި ދިނުމަށް ރޭޝްމާ އާއި ނާޒިލު، އެމީހުނަށް ކުރެވުނު ކަމެއް ކޮށްދެމުން ދިޔައެވެ. ބާޒާރު ކުރުމާއި ތަފާތު ކާނާގެ ރަހަބެލުމާއި، އަދިވެސް ލަންކާގެ އިތުރު ތަންތަނަށް އެމީހުން ޒޫރިން ގެންދިޔައެވެ. ނަމަވެސް ދުވަސް ނިމޭއިރު ޒޫރިންގެ ކުސްތެޅުން އަނެއްކާ ވެސް އިވިގެން ދެއެވެ. ރޭޝްމާ ނިންމީ ކިޔެވުން ފެށި، އައު ރަޙުމަތްތެރިންނާ ދިމާވަނިކޮށް ޒޫރިންގެ އެގޮތް ކެނޑިދާނެކަމަށެވެ.

ލަންކާގައި ހުންނަ އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއްގެ ހޮސްޓެލްއަށް ޒޫރިން ލާފައި އައި ދުވަހު ރޭޝްމާގެ ދިރިއުޅުމުން ބައެއް އުނިވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. މޫނުމަތިން އެކަން ފާޅުވެގެން ވެސް ދިޔައެވެ. ނާޒިލު އާއި އެކު އެނބުރި ނާޒިލު ހިފާފައި ހުރި ގެއަށް އައި މަގުމަތީގައި ރޭޝްމާ އިނީ ބަހެއް ވެސް ނުބުނެއެވެ. އަނެއްކޮޅުން އޭނާ ޒޫރިންގެ ގާތުގައި ހުރިހާ ހަޤީޤަތެއް ހާމައެއް ނުކުރެއެވެ. ޒޫރިންއަށް އެނގިފައި އޮތް ގޮތުގައި އޭނާގެ ކިޔެވުމުގެ ހުރިހާ ކަމެއް ހަމަޖެހުމުން ރޭޝްމާ އެނބުރީ މާލެއަށް ދާން ފުރާނެއެވެ. ނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ. ރޭޝްމާ އެނބުރި ދާން ގަސްދުކުރަނީ ޑޮކްޓަރަށް ދައްކާފައެވެ.

“އަދިވެސް ރީންއާ މެދު ދޯ ތިވިސްނަނީ، ކަމޯން ރޭޝް… ޝީޒް އަ ބިގް ގާލް ނައު” ހަވީރުގެ ސައިބުއިމަށް ގޭގެ ކުރިމަތީގައި އޮތް ހުސްތަނުގައި ޖަހާފައި ހުރި ދަގަނޑު މޭޒެއްގެ ދޮށުގައި އިން ރޭޝްމާއަށް ނާޒިލު ބުނެލިއެވެ. ފައިދަށުގައި އޮތް ވިނަގަނޑު ދުރަށް ފެތުރިފައި އޮތްއިރު އެ ވިނަގަނޑަށް ނަޒަރު ހުއްޓާލައިގެން ނާޒިލު އިނެވެ. ހަނދާނުގެ ފޮށި ހުޅުވާލަމުން މާޒީގެ ފަތްފުށްތަކެއް ބަލަމުން ދާ ކަހަލައެވެ.

“ނާޒިލު، އަހަރެން ހަމަ އަސްލު ވެސް ރީންދެކެ ވަރަށް ލޯބިވޭ، އަހަރެންގެ މުޅި ލައިފްގަ އަހަންނަށް މެދުވެރިވި އެންމެ ރަނގަޅުކަންތައް އެއީ އަހަންނަށް ޒޫރިން ލިބުން… އެ ދުވަހު އެކުއްޖާ އަހަންނަށް ފެނުން އެއީ އަހަރެންގެ ނަސީބު” ރޭޝްމާ ބުނެލިއެވެ.

“ރޭޝް ނުބުންޏަސް އަހަންނަށް އެނގޭ ރީންއަކީ ރޭޝްއަށް ކިހާ މުހިންމު ކުއްޖެއްކަން، އެހެންވެގެން އަހަރެން ނިންމީ ރޭޝްއަށް އެހީވާން ވެސް، ހަޔާތުގައި ފުރަތަމަ ފަހަރަށް ޢާއިލާއަކާއެކު އުޅުމަކީ ކޮބައިކަން އިހުސާސް ކުރެވުނީ ރީން ގޮވައިގެން އަހަރުމެން ދެމީހުން އެކުގައި އުޅުނު ދުވަސްތައް… ހެ ހެ ހެ…. ރޭޝް، އަހަންނަށް އެނގޭ މިހާރު ރޭޝް ކުރާ ކަންތައްތައް ހުއްޓާލަން ބޭނުންވާކަން، އެކަމަކު ބުނަން… ޚުދު އަހަންނަށް ވެސް އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއްނެތް އަހަންނަށް މިކަމުން ދުރުވެވިދާނެކަމެއް… އަހަރުމެންނަކީ ދުނިޔެއަށް އައިއިރު މިހެން އުޅެން އާދެފައި ތިބި ބައެއްނޫން…” ސައިޖޯޑު ނަގާ ތުނބުގައި ޖައްސާލަން އުޅެފައި ވެސް ނާޒިލު އެ ޖޯޑު މޭޒުމަތީ އޮތް ވަތުތަށީގައި ބަހައްޓާލިއެވެ.

“އެންމެ ފުރަތަމަ ހިމާޔަތްކަން ލިބެންޖެހޭނީ ޢާއިލާގެ ތެރެއިން، އެމީހުންނަކީ ތިމާގެ ހަލާކުކަމުގައި ވެއްޖެއްޔާ ދެން ދުރުހިލޭމީހާގެ އެހީތެރިކަން ލިބޭނޭކަމަށް ހީކުރެވޭނީ ކިހިނެއް… އަހަރެން ނަސީބު އެއީ ދޮންބައްޕައަށް ނުބައި ބޭސްތަކެއް ކެވިގެން މަރުވިކަން”

“އަހަރެން ފުރަތަމަ ހީކުރީ ރޭޝް ގަސްދުގައި ކުރިކަމެއްކަމަށް އެއީ”

“ނޫން، އަހަރެން އޭނާދެކެ ކިތަންމެ ރުޅި އައި ނަމަވެސް މަރާލާކަށް ނުކެރޭނެ، އޭރު ދޮންބައްޕަގެ ރަށުމީހުން އައިސް އަހަރުމެން ގޭގައި ތިބޭ، އެންމެން ބޭނުންކުރަނީ އެއްބަދިގެއެއް، ދޮންބައްޕަގެ ބޭބެގެ ހުންނާނެ އަހަންނަށްވުރެ އެއް އަހަރު ބޮޑު އަންހެން ކުއްޖެއް، އޭނާ ގެނައި ބޭސްތަކެއް އެއީ… އަހަންނަށް ވެސް ނޭނގޭ އޭނާ އެ ބޭސްތައް ގެންގޮސް ބެހެއްޓީ ދޮންބައްޕަގެ ބޭސްތައް އަޅާފައި ހުންނަ ވަތްގަނޑުގެ ތެރޭގައި ކަމެއް. ދޮންބަގެ ގިނަވާނީ ކައިގެން ކާ ބޭސްތައް. އެހެންވެ ބަދިގޭގައި އެ ބޭސްތައް ބަހައްޓާފައި ހުންނަނީ… އޭނާއަކީ ތަންދޮރު ވަކިވާ މީހެއްނޫން… ބޭސްކާޑަށް ބަލާލުމެއްނެތި ކައިގެން ގޮސް ކޮޓަރިއަށް ވަނީ… އެހެންނޫނަސް އަހަރެން އޭނާ އުޅޭގޮތެއް އެއްގޮތަކަށް ވެސް ނުބަލަން… އޭނާއަށް އެނގޭ އޭނާގެ ބޭބެ އަހަރެންގެ ކޮޓަރިއަށް ވަންނަކަން ވެސް… އަދި އޭރު އައިސް ތިބޭ އެ ރަށުގެ އެހެން ފިރިހެނުން ވެސް އަހަރެންގެ ކޮޓަރިއަށް ވަދެ ހަދާކަން… އެ ހުރިހާ ކުޅިވަރެއް ފެށުނީ އޭނާއާ ހެދި… އަހަރެން ސުކޫލުން ކަނޑާލީ ވެސް އޭނާއާ ހެދި… ގުރޭޑު ނުވައެއްގައި ހުރިއިރު… އަޅެ އޯލެވެލް ހެދެން ދެން އަހަންނަށް އެހީތެރިވެ ދިންނަމަ… އަހަންނަށް ހީވަނީ އަހަރެންގެ މަންމަ ވެސް ނިމިގެން އެ ދިޔައީ އެމީހާ ގަނޑާ ހެދިގެން… މަންމައާ އޭނާ ގުޅުމުގެ ބޭނުމަކީ މާލޭގައި އޮތް މަންމަގެ ގެ. ގެއިން ލިބޭ ހުރިހާ ލާރިއެއް ބައްކޮށްގެން ހުރީ އޭނާ… އަމިއްލަ ރަށުގައި ވިޔަފާރިތައް ހުޅުވާ ކަމާއި އޭނާގެ ރަށުގައި ހުރި ގެ އެންމެ ޒަމާނީ ފެންވަރަށް ހަދާލި ކަމާ އެއްޗެހި އޭރު ގޭގައި ތިބި އެ ރަށު މީހުންގެ ފަރާތުން އަހަންނަށް އޮތީ އެނގިފައި… މަންމައަކީ ފަގީރެއްނޫން، އެކަމަކު އަހަންނަށް ފައިސާ ލިބޭނޭ މަގެއް ހޯދަން ޖެހުނީ އެ ނުބައި މީހާގެ ސަބަބުން، އުމުރުން ހަގު ކަމުން ވަޒީފާއަކަށް ދެވޭކަށްނެތް، އަމިއްލަ ބޭނުންތައް ވެސް ފުއްދެން ނެތުނީމަ ދެން ފައިސާ ލިބެން އޮތް ގޮތެއް ޖެހޭނީ ޚިޔާރު ކުރާކައްނު… ބޮޑުބޭބެގެ އަތުން އަހަންނަށް ދިން ފަންސާސް ރުފިޔާއަކީ އަހަރެންގެ ފެށުން… އެކަމަކު އެއީ އަހަރެން ބޭނުންވިގޮތެއްނޫން، އޭރު ވެސް އެނގޭ މިކުރެވެނީ ކޮށްގެންވާނޭ ކަމެއްނޫންކަން، އެހެންވެ ޒޫރިން ފެނުނު ދުވަހު އަހަރެންގެ ޟަމީރު ކަމަކަށް އެދި އަޑުއުފުލީ… އަހަރެން ރީން ނުގެނައިނަމަ އެކުއްޖާގެ ދިރިއުޅުން ވެސް ބަރުބާދުވެގެން ދިއުމުގެ ފުރުޞަތު ބޮޑު… މި މުޖުތަމަޢު ކުށްކުރާ މީހުންނާއިގެން ފުރި ބާރުވަމުން މިދަނީ، ފާޅުގައި ކުރެވޭ ކުށަށް އަދަބު ނުލިބިގެން އުޅޭއިރު އަދި ސިއްރުން ކުރާ ކުށަށް އަދަބު ލިބޭނީ ކިހިނެއް…” ހިތުގައިވާ އުދާސްގަނޑެއް ރޭޝްމާ ބޭރުކޮށްލި ކަހަލައެވެ.

“ތެދު ވާހަކައެއް ތިބުނީ، އަހަރުމެންނަށް މިހެން އުޅޭކަށް ފުރުޞަތެއް ނުލިބޭނެ އަހަރުމެންގެ ބޭނުން ކުރާނޭ ބަޔަކު ނުތިބޭނަމަ”

“ނާޒިލު ފިރިހެން ކުލައިންޓުން ގެންގުޅެނީ ކުޑައިރު އެ ދިމާވި ކަންތަކާ ހެދިތަ؟ އެކަމަކު ނާޒިލު ޝައުގުވެރިވެއެއްނު އަންހެނުންނަށް” އެއްފައި މައްޗަށް އަނެއްފައި ލަމުން ރޭޝްމާ ކުރިއަށްވުރެ ބޮޑަށް ގޮނޑީގައި ހަމަޖެހިލިއެވެ.

“އެމީހުން އަގުބޮޑުވީމާ، ރޭޝްއަށް އެނގޭނެ އަހަންނަކީ ރޭޝް ގޮތަށް މާލޭ މީހެއް ނޫންކަން، އަހަރެން އައީ މާލެއަށް ކިޔަވަން، އެކަމަކު ކިޔަވަން ދެވެނީ ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށް… ކުރިއަކުން ނޭނގޭ އައިސް ވަދެވުނު ގެއަކީ ހުރަގެއަކަށް ވެދާނޭކަމެއް، އުމުރުން ކިރިޔާ ތޭރަ އަހަރު އޭރު ފުރުނީ، އެގެއަކީ އެކަހަލަ ކަންތައްތައް ހިންގުމުގެ މައި ޖަގަހައެއް… ކުލީ ކޮޓަރިތަކުގައި ރޭގަނޑު ވެއްޖެނަމަ އެ ނޫންކަމެއް ނުހިނގާނެ، އަހަރެންގެ ދައްތައެއް އެގޭ ބޭބެއާ އިނދެގެން ހުރީ، ކިތަންމެ ފަހަރަކު އަހަރެންގެ ލޮލުން ދުށިން ބޭބެ ނޫން އެހެން ފިރިހެނުން ދައްތައާ ސަމާސާކުރާތަން، އެމަންޒަރުތައް ފޮރުވާކަށް ދައްތަ ނޫޅޭ… ބޭބެ އަހަރެންގެ ކޮޓަރިއަށް އަންނަން ފެށި ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ، އަހަރެންގެ ހަށިގަނޑު ވެސް ހުރީ ބޮޑުވާން ފަށާފައި، އެހެން ހުއްޓާ އަންހެނެއް ނޫން ފިރިހެނަކު ވެސް އެ ފަދަ ގާތްގޮތަކަށް ކައިރިވާން ފަށައިފިއްޔާ ދެން އަހަންނަށް ވާނީ ކިހިނެއް… އަހަރެން ބޭނުމެއްނޫން އަހަންނަށް ހިތްހަމަޖެހުން އިހުސާސްކޮށްދެނީ އަންހެނެއްތޯ ނޫނީ ފިރިހެނެއްތޯ ބަލާކަށް، ސުކޫލަކުން އުނގެނުމަށްވުރެ ގެއިން ދަސްކުރަން ލިބުނު ފިލާވަޅުތައް މާ ބޮޑަށް ވެސް ޝައުގުވެރި، އަހަރެންގެ ޢާއިލާ މީހުން ގާތަށް ރަށަށް ނުދާން ނިންމީ އެހެންވެ، ދައްތަ އާއި ބޭބެ ތިބީ އަހަރެން އެގޭގައި ބަހައްޓާގޮތަށް، ހުންނަން ބޭނުން ދުވަހެއް ވަންދެން… އަހަންނަށް ފިރިހެނުންނަށް އުފާ ހޯދާ ދެވޭނީ ކިހިނެއްކަން ދަސްކޮށްދިން މީހަކީ ދައްތަގެ ފިރިމީހާ، ހަމައެގޮތަށް އަންހެނުންނަށް އުފާ ހޯދާ ދޭ ގޮތަކީ ކޮބައިކަން އަންގައިދިން މީހަކީ އަހަރެންގެ ދައްތަ… އަންހެނުންނަށް އަހަރެން ޝައުގުވެރިވޭ، އެކަމަކު ރާއްޖޭގައި މިހާރު ފިރިހެނުންނަށް ޝައުގުވެރިވާ މީހުން މާ ގިނަ… ފަރުދާގެ ފުރަގަހުގައި މި ހުރިހާ ކަމެއް ހިނގާއިރު އެ ފަދަ ފިރިހެނުންނަކީ މީހުންނާ ވެސް އިނދެގެން އުޅޭ މީހުން، އަނެއްކޮޅުން ރަނގަޅު ވާޒީފާތަކުގައި އުޅޭ މީހުން… އެންމެ ފަހުން ވެސް އަހަރެންގެ ކުލައިންޓަކަށްވީ އެމް.އެން.ޑީ.އެފްގައި އުޅޭ ޒުވާނެއް… ރޭޝްއަށް އަހަރެން އެއްވެސް ކަމެއް ނުފޮރުވާތީ މި ބުނެލީ…”

“ނާޒިލު ނުވިސްނަންތަ ތި އުޅުން ހުއްޓާލާފައި ރަނގަޅު ދިރިއުޅުމެއް އުޅޭކަށް، އަހަންނަށް މިފަހަކަށް އައިސް އަބަދު ވިސްނޭ ކަމަކީ އެއީ، ރީންއަށް އެއްވެސް ކަމެއް އެނގުމުގެކުރިން ވިއްކުމުގެ ވިޔަފާރީގެ ދުނިޔެއަށް ހުޅުވާލާފައިވާ ދޮރު އަބަދުގެ އަބަދަށް ބަންދުކޮށްލަން އަހަރެން ބޭނުންވަނީ”

“އަހަރުމެން ކަހަލަ މީހުންނާ ގުޅޭނީ ކޮންބައެއް؟ ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އަހަރުމެން، ނޫންތަ ރޭޝް، ވަރަށް އުފާވެރި ޢާއިލާއެއް ފެނިދާނެ، އެކަމަކު ކައިރިވާވަރަކަށް އެނގޭނީ ދެމީހުންގެ އުފާވެރިކަމުގެ ފަހަތުގައި ވަނީ މުޅިން އެހެން ކަމެއްކަން”

ދެ އެކުވެރިންގެ ގޮތުގައި ރޭޝްމާ އާއި ނާޒިލު ދައްކަމުން ދިޔައީ އިތުރު މީހަކު އެތަނުގައި ހުރި ނަމަ އޭނާއަށް އަޑުއަހަން ފަސޭހަ ވާނޭ ފަދަ ވާހަކަތަކެއް ނޫނެވެ. ނާޒިލުއަށް ވިސްނައިދޭން ބައެއް ފަހަރު ރޭޝްމާ މަސައްކަތް ކުރެއެވެ. މަޑުމަޑުން ލަސްލަހުން ނަމަވެސް ރޭޝްމާގެ ދިރިއުޅުން ބަދަލުކުރަމުން އަންނައިރު ނާޒިލުގެ ދިރިއުޅުމުން ވެސް ބަދަލު ފެންނަން ރޭޝްމާ ބޭނުންވަނީ ކީއްވެކަމެއް ނޭނގެއެވެ. އެންމެ ފަހުން ދެކެވެމުން ދިޔަ ވާހަކަ ރޭޝްމާ ބަދަލުކޮށްލިއެވެ. އޭނާ ޑޮކްޓަރ އެޕޮއިންޓްމެންޓެއް ހައްދާފައި އޮތްއިރު އޭނާއާއެކު ނާޒިލު ދިއުމަށް ރޭޝްމާ އެދުނެވެ. ދޭތެރެއަކުން މެޑިކަލް ޗެކަޕް ހެދުމަކީ ޒޫރިން ލިބުނު ފަހުން ރޭޝްމާގެ އާދައެކެވެ. ތަފާތު ފިރިހެނުންނާ ދިމާވާއިރު ރައްކާތެރިކަން ޚިޔާރުކުރުން ރޭޝްމާގެ އެންމެ ފުރަތަމަ ކަމަކަށް ވެއެވެ.

* * * *

ދުވަސްކޮޅަކަށް އީތަން އާއި ޖަޒްލާގެ މެދުގައި ދެބަސްވުން މަދުވެގެން ދިޔައެވެ. އަނެއްކޮޅުން އީތަންއަށް ތަފާތުކަމެއް ފާހަގަކުރެވެން ފެށިއެވެ. ކައިލަންއަކީ ޖަޒްލާ ބުނާގޮތުން އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ. އެކަމަކު ކައިލަންގެ ލޮލުން އީތަންއަށް ފެންނަނީ އެކުވެރިކަމަށްވުރެ ގާތްކަމެކެވެ. އެކަމާ ޖަޒްލާއާ ސުވާލުކުރުން ރަނގަޅެއް ނުވާނެއެވެ. އަނެއްކާ ކައިލަންއަކީ ކިހާ ފެންވަރެއްގެ ކާކުކަން ވެސް އީތަންއަށް އެނގެއެވެ. އެނާއަކީ އުޅެވޭ ޢާއިލާއެއްގެ ކުއްޖަކަށް ވިޔަސް ކައިލަންގެ ޢާއިލާއާ ފެންވަރުގެ ގޮތުން އެއްވަރު ނުވާނޭކަން އެނގެއެވެ. ޖަޒްލާއަކީ މުއްސަނދިކަމަށް ލޯބިކުރާ ޒުވާނެކެވެ. ހަދިޔާ ތަކާއި ކޮފީތަކުން ފެށިގެން ރީތި މަންޒިލްތަކަށް ދަތުރުކުރާހިތްވާ މިނިވަން ޚިޔާލެއްގެ ޒުވާނެކެވެ. ޖަޒްލާގެ ރަޙުމަތްތެރިންގެ ތެރެއިން ކައިލަން ފެންނަ ކޮންމެ ފަހަރަކު އީތަންގެ ހިތް ނުތަނަވަސް ކުރުވަނީ އެހެންވެއެވެ. ނަމަވެސް އެންމެން އެއްކޮށް ބައިވެރިވާ ކޮފީތަކާއި ކެއުންތައް މަދެއް ނޫނެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް ކައިލަން އާއި އީތަންގެ ދެމެދުގައި ބަދަލުކޮށްލެވެނީ ރަށްޓެހިކަމުގެ ހިނިތުންވުމެވެ. ދެކެވޭ ވާހަކަތަކުގައި ދެމީހުން ވެސް ބައިވެރިވެއެވެ. ހަމައެކަނި ތަފާތަކީ މިހާރު މިވަގުތު ޖަޒްލާގެ އަތާއަތް މަހާލައިގެން އެކުގައި ހިނގުމުގެ ފުރުޞަތު އޮތީ ހަމައެކަނި އީތަންއަށް ކަމަށް ވީކަމެވެ. އެކަމާ ކައިލަންގެ ހިތް ނުތަނަވަސް ކުރުވަފާނޭކަން އީތަންގެ ހިތް ބުނާ ކަހަލައެވެ.

ޚާއްޞަކޮށް އީތަންއާ ވަކިން ޖަޒްލާއާ ބައްދަލުކުރަން ކައިލަން އެދޭ އެދުމަކީ އީތަންގެ ހިތް ރުހޭކަމެއް ނޫނެވެ. އެހެންވިޔަސް ޖަޒްލާގެ މިނިވަންކަމަށް އީތަން ހުރަސް އަޅަނީކަމުގައި ހީވެދާނޭތީވެ ހިތުގައި އޮތް އެއްޗެއް ހާމަކުރަން އީތަން ހުރީ ނުކެރިފައެވެ. އަނެއްކޮޅުން ކައިލަންއަކީ ޖަޒްލާ އާއި އީތަން ދިމާވުމުގެ ކުރިން ވެސް ޖަޒްލާގެ ރަޙުމަތްތެރިއެކެވެ. އީތަންގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެނީ ކައިލަން އާއި ޖަޒްލާގެ ދެމެދުގައި އޮތް ގުޅުން ރަޙުމަތްތެރިކަމުގެ އިން ފަހަނައަޅައިގެންދާން ޖަޒްލާ ބޭނުންނުވާކަން އެނގޭތީއެވެ. އޭނާ ލޯބީގެ ގޮތުން އީތަންނާ ގުޅުމީ ވެސް ކައިލަންއަށް ރަޙުމަތްތެރިކަމުގެ ބޭރުން އިތުރު ގުޅުމަކަށް ފުރުޞަތެއްނެތްކަން ހާމަވާ ކަމެކެވެ.

* * * *

ނަވަލޯކާ ހޮސްޕިޓަލުގެ އިންތިޒާރީގޮނޑިތަކުގައި އިށީނދެގެން ތިބި މީހުންގެ ތެރޭގައި ދިވެހިން ވެސް ތިއްބެވެ. އެއްތަނެއްގައި އެހާ ގިނައިރު އިންނަން ވުމުން ނާޒިލު ފޫހިވާގޮތްވިއެވެ. އެ ވަގުތަކީ މެންދުރުގެ ވަގުތަށްވުމާއެކު އެއްޗެއް ކާލަން ދިއުމަށް ރޭޝްމާގެ ގާތުން ނާޒިލު އެދުނެވެ. ވަގުތު އޮތުމާއެކު ދެ ޚިޔާލެއްގައި އިނދެފައި ވެސް ރޭޝްމާ ބޯޖަހާލިއެވެ. އަދި ދެ މީހުން އެކުގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ވަންނަން އައީ ވަގުތު ސަލާމަތްކުރުމަށެވެ. ކެފެޓީރިއާއަށް ވަދެގެން އައި ރޭޝްމާގެ ފޯނަށް މެސެޖެއް އައުމާއެކު ކުއްލިއަކަށް ހުއްޓެވުމާއެކު ފޯނަށް ބަލާލިއެވެ. ހަމަ އެހިނދު ފަހަތުން އައި މީހަކުގެ ގައިގާ ޖެހިގެން އެނބުރި ބަލާލެވުނެވެ.

“ސޮރީ…” ކުރިމަތީ ހުރި އަންހެން މީހާ އާއި ފިރިހެން މީހާއަށް ރޭޝްމާ ބުނެލިއެވެ. އެ ދެމީހުން ތިބިގޮތުން ރޭޝްމާގެ ސިކުނޑިއަށް ވިސްނުނީ އެއީ ދެމަފިރިން ކަމުގައެވެ.

“އިޓްސް އޯކޭ…” ކުޑަކޮށް ހިނިތުންވެލަމުން ފިރިހެންމީހާ ބުނެލިއެވެ. އަދި އެ ދެމީހުން އެކުގައި ކެފެޓީރިއާގެ އެހެން ދިމާއަކަށް ހިނގައިގަތެވެ.

ރޭޝްމާ އަނެއްކާ ވެސް އޭނާގެ ފޯނަށް ބަލާލިއެވެ. ފޯނަށް އައިސްފައި އޮތް މެސެޖަށް ބަލާލުމާއެކު އެއީ ޒޫރިން ފޮނުވި މެސެޖެއްކަން އެނގުނެވެ. ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމާއެކު ރޭޝްމާ ހޯދާލީ ނާޒިލު ހުރި ތަނެކެވެ. އޭނާ ފެނުމާއެކު އައިސް ގާތުގައި ހުއްޓިލަމުން ޒޫރިން ފޮނުވި މެސެޖު ދައްކާލިއެވެ. އެއާއެކު ނާޒިލު ވެސް ފެށީ ހޭށެވެ.

“ރޮވެނީ އޭ!… އެންމެ ފުރަތަމަ ކިންޑަރގާޑަންއަށް ގެންދިޔަ ދުވަހު ވެސް ނުރޮ، އެއުޅެނީ ހަމަ އެތަނުގައި ނުހުންނަންވެގެން” ހެމުން ހެމުން ނާޒިލު ބުނެލިއެވެ. އެކަމާ ރޭޝްމާ ވެސް އެއްބަސްވިއެވެ.

އެވަގުތު އެތަނުގެ ހުރި މޭޒުތައް މީހުންނާއިގެން ފުރިފައި ހުރުމުން އިރުކޮޅަކު މަޑުކޮށްލަން ރޭޝްމާ އާއި ނާޒިލަށް ޖެހުނަސް ވަރަށް އަވަހަށް އެމީހުންނަށް މޭޒެއް ލިބުނެވެ. އެހެންވެ ކާއެއްޗެހި އަޅައިގެން އައިސް މޭޒެއްގެ ދޮށުގައި ނާޒިލު އާއި ރޭޝްމާ އިށީނެވެ.

“ދިވެހިންތަ؟” އަންހެނަކު ދިވެހިބަހުން އަހާލުމާއެކު ފޯނަށް ބަލަން އިން ރޭޝްމާ އިސްއުފުލާލިއެވެ. ފޯނާ ކުޅެން އިން ނާޒިލަށް ވެސް ވީ އެވަރެވެ. ކުރިމަތީ ތިބީ ކުޑަހިނދުކޮޅެއް ކުރިން ރޭޝްމާއާ ބައްދަލުވި ދެމީހުންނެވެ.

“މޭޒެއް ހުސްކޮށް ނެތީމަ މިއައީ، އަޅުގަނޑުމެން މިތަނުގައި އިށީނަސް އެންމެ ރަނގަޅުތޯ” އަންހެންމީހާގެ ސުވާލަށް ރޭޝްމާ ބޯޖަހާލުމާއެކު އޭނާ ބުނެލިއެވެ.

“އެންމެ ރަނގަޅު” ރޭޝްމާ އޭނާއާ ޖެހިގެން އިން ނާޒިލަށް ބަލާލުމުން އޭނާގެ ފަރާތުން މައްސަލައެއް އޮތްކަމުގެ އިޝާރާތެއް ނުވުމުން ބުނެލިއެވެ. އެއާއެކު މޭޒު ކައިރީ މަޑުކޮށްލައިގެން ތިބި ދެމީހުން ހުސްކޮށްހުރި ދެ ގޮނޑި ދަމާލާފައި އިށީނދެއްޖެއެވެ.

ވަޒަނުން ބޭރު އެހެން ޤައުމަކުން ދިމާވި ނަމަވެސް ދިވެހިންނަކީ އެމީހުންގެ ފަރާތުން ރީތި އާދަތައް ފެންނަ ބައެކެވެ. ތިމާގެ ރަށުމީހާއަށް ހެޔޮކޮށް ހިތާ އެހީތެރިވާ ބީދައިން ދިވެހިންގެ ތެރޭގައި ވެސް އެކަން އޮވެއެވެ. ނާޒިލު އާއި ރޭޝްމާގެ ކުރިމަތީގައި ތިބި ދެމީހުނަށް ވެސް ވީ ހަމަ އެވަރެވެ. ނުވެސް ދަންނަ ދެމީހުންނަށް ރޭޝްމާ އާއި ނާޒިލު ވިޔަސް ވާހަކަދައްކަން ފެށީ އެމީހުންނަކީ ދިވެހިންނަށް ވީތީއެވެ.

“މިތަން ހާދަ ބާރުބޮޑޭ ދޯ… އަޅުގަނޑަށް ކިޔަނީ ހަމްރާ، މީ އަޅުގަނޑުގެ ފިރިމީހާ ސުފިޔާނު” ހިނިތުންވެލައިގެން އިނދެ ހަމްރާ ބުނެލިއެވެ.

“ރޭޝްމާ…”

“ނާޒިލު”

ރޭޝްމާ އާއި ނާޒިލު ދެމީހުންގެ ނަން ބުނެލީ ވަކިވަކިން އެމީހަކު އަމިއްލައަށެވެ. ކުރިމަތީ ތިބީ ދެމަފިރިންކަން ރޭޝްމާއަށް ޔަޤީންވީ ދެނެވެ. ތުންފަތުގައި އެވަގުތު ހިނިތުންވުމެއް ދުވެލީ ހީވި ހީވުން ޔަޤީންވީމައެވެ. އެހެންނަމަވެސް ރޭޝްމާގެ ހިތް އޭނާގެ ކުރިމަތީ އިން ސުފިޔާނަށް ތަޢުރީފުކޮށްލިއެވެ. ދުނިޔޭގައި ރީތި ފިރިހެނުން އުޅޭނެކަމީ ރޭޝްމާ ޝައްކެއް ކުރާކަމެއް ނޫނެވެ. ކައިރީގައި އިން ނާޒިލްއަކީ ވެސް ހުތުރު މީހެއް ނޫނެވެ. އުމުރުގެ ގޮތުން ސުފިޔާނަށްވުރެ ނާޒިލު ޅަވާނެކަން އެ ދެމީހުންނަށް ބަލާލާފައި ވެސް އެނގޭނެއެވެ. އެހެންނަމަވެސް ސުފިޔާނަށް ލިބިފައިވާ ފިރިހެންވަންތަ ރީތި ސިފައިގައި އަދިވެސް ދަމާ ބާރެއް ހުންނަކަހަލައެވެ. އެފަދަ ފިރިހެނުން ދުނިޔޭގައި އުޅޭކަން ރޭޝްމާއަށް އެނގުނީ މިއަދެވެ. ޝަހުސިއްޔަތުގެ ވަރުގަދަކަމާއި ވާހަކަދެއްކުމުގައި ހުރި އަބުއިކަމުގެ އިތުރުން ޝައުގުވެރިކަން އިތުރުކުރުވާ އަޑެކެވެ. ފަޅައިގެން ގޮސްފައި ހުރި ފަދަ ގޮތެއް އަޑުގައި ހުއްޓެއްކަމަކު އެ ބަރުއަޑުގައި ޖާދޫއެއް ހުރިހެން ރޭޝްމާއަށް ހީވިއެވެ. ހިތާ ހިތާ ސުފިޔާނުގެ ގާތުގައި އިން އޭނާގެ އަނބިމީހާ، ހަމްރާގެ ނަސީބު ގަދަކަމޭ ބުނެލެވުނެވެ. ހަމްރާއަކީ ވެސް ހުތުރު އަންހެނެއް ނޫނެވެ. އަޅާފައި ހުރި ކަނޑުނޫކުލައިގެ ޝޯލްގެ ތެރެއިން ހަމްރާގެ މޫނު ފެންނަނީ އޮމާން ކަނޑަކަށް އެޅިފައިވާ ބުރުފުރިހަމަ ހަނދެއް ފަދައިންނެވެ. އަލި މޫނަކާއި ހިތްހެޔޮކަން ފެންނަން ހުރި ރީތި ދެ ލޮލެއް ލިބިފައިވެއެވެ. ސުފިޔާނުގެ ހަރަކާތްތައް ހުރި ގޮތުން އޭނާއަކީ އަނބިމީހާދެކެ ލޯބިވާ ވަފާތެރި ފިރިއެއްކަން ރޭޝްމާގެ އަމިއްލަ ތަޖުރީބާއިން ދެނެގަނެވުނެވެ.

ރޭޝްމާ އާއި ނާޒިލާ ދެމެދު އޮތް ގުޅުން އެމީހުން ހާމަ ނުކުރި ނަމަވެސް އެކަމާ ހަމްރާ އާއި ސުފިޔާނު އެއްވެސް ސަމާލުކަމެއް ނުދެއެވެ. ދެބައިމީހުންގެ މެދުގައި ވެސް ދެކެވެމުން ދިޔައީ ހޮސްޕިޓަލުގެ ވާހަކަ އާއި ލަންކާގައި ތިބޭ ހޮޓެލްގެ ވާހަކަތަކެވެ. ރޭޝްމާ އާއި ނާޒިލުމެން ތިބެނީ ރައްޓެއްސެއްގެ ގޭގައިކަން ބުނެ ނާޒިލު ހަޤީޤަތް ސިއްރުކުރި ނަމަވެސް އެކަމާ ރޭޝްމާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޚުދު އޭނާ ވެސް ހަމްރާ އާއި ސުފިޔާނަށް ހުރިހާ ކަމެއް އެނގޭކަށް ބޭނުމެއްނޫނެވެ. ކެއުމުގައި ހަމްރާ އާއި ސުފިޔާނު ތަންކޮޅެއް އަވަސްކޮށްލިއެވެ. އަދި އެމީހުން ކައި ނިމުމާއެކުހެން ރޭޝްމާ އާއި ނާޒިލުގެ ގާތުގައި ދަނީ ކަމުގައި ބުނެ ހިނގައްޖެއެވެ.

“ކިހިނެއްވީ؟ ރޭޝް ދަންނަ ބަޔަކީތަ” ހަމްރާ އާއި ސުފިޔާނު ދިޔަ ދިމާއަށް ބަލަހައްޓައިގެން ރޭޝްމާ އިންނަން ފެށުމުން ނާޒިލު އަހާލިއެވެ.

“ނޫން! ދުވަހަކު ވެސް ނުދެކެން…. އޭނާ ހާދަ ރީތީއޭ… އެ ދެމީހުން ވަރަށް ގުޅޭ ދޯ، ދަރިން ވެސް ތިބޭނެހެން ހީވަނީ، ތިބިއްޔާ ހީވޭ ހަމަ އެހާ ރީތިވާނެހެން، މައިންބަފައިންގެ ސިފައަކީ ވެސް ދަރިންނަށް ވާރުތަކުރާ އެއްޗެއްނު، ފަހަރެއްގައި އެ ދެމީހުންނަށްވުރެ ވެސް އެމީހުންގެ ކުދިން މާ ރީތިވެދާނެ…”

“ހިތަށް ގޮތެއްވީތަ؟ އޭނާ ފެނިފައި ހީއްޔެ އެރީ ދޯ” ލާނެތް ރާގެއްގައި ނާޒިލު ބުނެލިއެވެ. ހަމަ އެއާއެކު އޭނާގެ ކޮނޑުގައި ރޭޝްމާ ޖަހާލަމުން ކުޑަކޮށް ލޯ އަޅާލިއެވެ. ނާޒިލު ބުނި އެއްޗަކާ ރޭޝްމާ އެއްބަސްނުވާކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. އޭނާގެ އެ ޢަމަލުން ނާޒިލު ފެށީ ހޭށެވެ.

“ތިކަހަލަ އެއްވެސް ކަމެއްނުވޭ، އޭނާ ޖަހަނީ ވަރަށް މާތް މީހެއްވައްތަރު، ހީވަނީ އޭނާގެ ވައިފްދެކެ ވަރަށް ލޯބިވާހެން”

“ވައިފްދެކެ ލޯބިވާކަން އެނގޭނީ ތަންކޮޅެއް ގާތުން ބަލާލީމާ، މަވެސް ޤަބޫލުކުރަން އެ ދެމީހުންގެ އުމުރާ ބަލާފައި ޒުވާންކަން”

“ކައިރިން ބަލާކަށް ބޭނުމެއްނޫން… ދެން ހިނގާ ދަމާ” ރޭޝްމާގެ ހިތަށް އެރި އެއްޗެހި ނާޒިލު އެހެން ދިމާއަކަށް އަނބުރާލަން އުޅެންފެށުމުން އިތުރަށް ހަމްރާ އާއި ސުފިޔާނުގެ ވާހަކަ އޭނާ ހުއްޓާލީއެވެ. އަދި އިންތަނުން ރޭޝްމާ ތެދުވުމާއެކު ނާޒިލަށް ވެސް ޖެހުނީ ތެދުވާށެވެ.

ލަންކާގައި ހަފްތާއެއްހާ ދުވަހު އުޅެފައި ހަމްރާ އާއި ސުފިޔާނު އެނބުރި މާލެއެވެ. ދެމަފިރިން ބަލާ ޢާއިލާގެ ހުރިހާ މެންބަރުން އައިސްތިއްބެވެ. ހަމްރާގެ ލޮލުގައި އަޅައިގަތީ އީތަންއާއެކު ހުރި ޖަޒްލާއެވެ. އައިދަން އައިސް މަންމަގެ ފޮށީގައި ހިފާލުމާއެކު ހަމްރާ ފުރަތަމަ އައިސް ބައްދާލީ އީތަންގެ ގައިގައެވެ. މި މަންޒަރު ބަލަން ޢާއިލާގެ ދެންތިބި މެންބަރުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީނގަތެވެ.

“މަންމާ، އަޅުގަނޑުމެން ވެސް މަންމަ މިސްވިޔޭ” ހަމްރާމެން ދެމަފިރިންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅު އައިނީ ބުނެލިއެވެ.

“އައިނީ…” ހަމްރާގެ ގާތަށް ޖެހިލި އައިނީގެ ގައިގާ ވެސް ހަމްރާ ބައްދާލިއެވެ.

އޯކިޑުވިލާއަށް އައިސް ވަނީ ސުފިޔާނުގެ ޢާއިލާގެ ހުރިހާ މެންބަރުން އެކުގައެވެ. ކުއްލިއަކަށް ގޭތެރެ ހަލަބޮލިވެގެންދިޔައެވެ. އެމީހުން ގެއަށް އައިތާ ގިނަ އިރުތަކެއް ނުވަނީ ޖަލާލު ވެސް އައިސް އެގެއަށް ވަންތަން ފެނުނެވެ. ހަމްރާ އާއި ސުފިޔާނަށް ސަލާމަތުން ދަތުރުގެ ކަންތައްތައް ނިންމާލާފައި އާދެވުނީތީ ޖަލާލު މަރުޚަބާކިޔެވެ. އަދި އެމީހުން ބަލާ އެއަރޕޯޓަށް ދާން ގަސްދުކުރި ނަމަވެސް ނުދެވުނީތީ އެކަމާ މަޢާފަށް އެދުނެވެ. ގޭތެރޭގެ އިސްމީހެއްގެ ގޮތުގައި އިން ރާބިއާ އަވަސްވެގަތީ ޑޮކްޓަރު ބުނި އެއްޗެއް އެނގޭށެވެ. އެހެންނަމަވެސް އެވާހަކަ ސުފިޔާނު މަޑުޖައްސާލި ގޮތުން ދަރިންގެ ކުރިމަތީ އެ ވާހަކަދައްކަން ބޭނުންނުވަނީ ކަން ރާބިއާއަށް އެނގުނެވެ. އެހެންވެ އިތުރަށް އެކަމާ ސުވާލެއް ނުކުރެއެވެ.

ގޭތެރޭގައި ހަމްރާ އާއި ސުފިޔާނު އަންނަންވާއިރަށް އޮތީ ސައި ހަދައިފައެވެ. އަދި އައިދަން ކުރިއަށް ޖެހިލާ ގޭގައި ގެންގުޅޭނޭ ދެ ބިދޭސީން ތިބީ ހަމަޖެހިފައި ކަމަށް ބުނެލިއެވެ. ސުފިޔާނު އެންގުމުން މިހާރު ވެސް ގެއަށް ގެންނަންވީ ކަމުގައި އޭނާ ބުނެލިއެވެ.

“އަންހެނަކާ ފިރިހެނެއްވީމާ ދެމީހުންނަށް ހުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ވަކިން، ބައްޕައަށް ފެންނަނީ އިހަށް ގޭތެރޭގެ މަސައްކަތް ކުރާން އަންހެނަކު އެކަނި ގެންނަން، ދުވަސްކޮޅަކު ބަލާލާފައި އިތުރު މީހަކު ގެންނާނީ، ދެން އަދި އިތުރުކަމެއް ދަރިފުޅުވެއްޖެ ކޮށްދޭން، ބަދިގޭ ކައިރީ ހުސްކޮށް ހުރި ކޮޓަރި އެމީހާ ހުންނަން ތައްޔާރުކޮށްދޭންވީ، ދަރިފުޅަށް މަންމަ އާއި މާމަ އެހީވާނެ، މާ ބައިވަރު ފަރުނީޗަރުތަކެއް ހުރުން މުހިންމެއްނޫން، މިހާރު ވެސް އެތަނުގައި އެނދަކާ އަލަމާރިއެއް ހުންނާނެ، އެކަމަކު ގޮދަޑިއެއް ހިޔެއްނުވޭ އޮންނާނެހެން… ދަރިފުޅު ބަލާލާފައި ބޭނުންވާ އެއްޗެއްވިއްޔާ ހޯދާލާ، ކޭޝްކާޑު މަންމަ އަތަށް ދީފައި ބާއްވާނަން”

ސުފިޔާނުގެ ވާހަކަތައް އަޑުއަހަން އިން އައިދަން ބޯޖަހާލިއެވެ. ހުރިހާ އެންމެން އެކުގައި ސައިބޯން ކާމޭޒު ދޮށުގައި ތިއްބެވެ. ހަމްރާ އާއި ސުފިޔާނު ކުދިންނަށްވުރެ ކުރިން އެތަނުން ހިނގައްޖެއެވެ. އަރާމުކޮށްލަން ކަމަށް ބުނެފައެވެ. އެއާއެކު ކުރިއަށްވުރެ ވެސް އަޑުގަދަ ވެގެން ދިޔަ ކަހަލައެވެ.

* * * *

އެއްވެފައި ތިބި މީހުންގަނޑު ފެނި ޓެކްސީ އިން ފޭބި ރޭޝްމާ ގެއަށް ވަންނަން ނޭނގިފައި ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ. ގޭކައިރީ ހުރި ކުނިއަޅާ ކޮންޓޭނަރު ދޮށަށް މީހުން އެއްވެފައި ތިބިތަން ފެނުމުން ރޭޝްމާގެ މެޔަށް ނޭނގޭ ގޮތްތަކެއް ވެގެން ދިޔަ ކަހަލައެވެ.

“އެހެން ހަދަން ހެޔޮވާނީ ކިހިނެއް؟” އެއްވައިތިބި މީހުންގެ ތެރޭގައި ހުރި އަންހެނަކު މިހެން ބުނެލުމާއެކު ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ނިކަން ހަލުވިކޮށް އެ ދިމާއަށް ރޭޝްމާއަށް ދެވުނެވެ. މީހުންގަނޑުގެ ތެރެއިން ތަން ހަދަމުން އޭނާ ވަނެވެ.

މީހުންގެ ގަނޑު ކަންތައްބޮޑުވެ ތިބެ ބަލަމުން ދިޔައީ ކޮން ކަމަކަށްކަން ރޭޝްމާއަށް ނޭނގުނެއްކަމަކު އޭނާގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ކައިރީ ހުރި ދެބައި އުމުރަށްވުރެ ވެސް މައްޗަށް ގޮސްފައި ހުރި އަންހެން މީހާ ދައްކަމުން ދިޔަ ވާހަކައަށެވެ.

“ފުލުން އަޔަސް ވާނޭކަމެއް ނޯންނާނެ، އެއީ ކާކު ކުރިކަމެއްކަން ވެސް ނޭނގޭނެ، މިހާރު މިކަން އާދައަކަށްވެއްޖެ، ބޭނުންނުވީމަ ހަދަން އޮތް ގޮތަކީ މީ”

އެ އަންހެންމީހާގެ ވާހަކަތަކަށް ވިސްނަމުން ކުރިއަށް ޖެހެމުން އައި ރޭޝްމާއަށް ވެގެން އުޅޭގޮތް ފެނުނެވެ. ހަމަ އެހިނދު ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުމާއެކު އަނގައިގައި އަތްއަޅާލެވުނެވެ. އެއްއަތުން އަނގަމަތި ފޮރުވާލެވުނު އިރު އަނެއްއަތުން މޭގައި ހިފަހައްޓާލެވުނެވެ.

“އެކުއްޖާ… އެކުއްޖާ އެ އޮތީ މަރުވެފަތަ؟” ދެފަރާތަށް ބަލަމުން ރޭޝްމާއަށް އަހާލެވުނެވެ. އެހިނދު އޭނާގެ ގައިގާ އެތަނުގައި ތިބި ދެ އަންހެނަކު ހިފަހަށްޓާލިއެވެ.

“ކޮއްކޯ، މި މަންޒަރު ނުބަލާ އަވަހަށްދޭ ގެއަށް، އެ އޮތީ އެ ދަޅުތެރެއަށް އެކުއްޖާފުޅު ގަންނަވާލާފައި، ކިހިނެއް އެވަރު ކޮށްފައި އޮތް އިރު ފުރާނަ ހުންނާނީ…”

ކުނިއަޅާ ކޮންޓެއިނަރު ކައިރީ ރަތްކޮތަޅަކަށް ލާފައި ގެނެސް ބަހައްޓާފައި ހުރި ކޯސްޓު ކިރުދަޅުގެ އެންމެ ބޮޑު ސައިޒުގެ ދަޅެއް ހުއްޓެވެ. އޭގެ މަތި ނަގާފައި ހުރުމުން އޭގެ ތެރެއިން ވިހާފައި ލޭތަށް ވެސް ރަނގަޅަށް ސާފުނުކޮށް އޮތް ކުއްޖަކު ގަންނަވާލާފައި އޮތްތަން ފެންނަން ހުއްޓެވެ. ފެންކަޅިވަމުން ދިޔަ ރޭޝްމާއަށް އެތަނުގެ އެއްވެ ތިބި މީހުންގެ ވާހަކަތަކުން އެނގުނީ ދަޅުން ބޭރަށް ލޭފައިބައިފައި އޮތްތަން މީހަކަށް ފެނުނީ ކަމެވެ. ދަޅުގެ މަތި އެމީހަކު ނެގީ އެއީ ކަރުގޮހޮރުތޯ ނޫނީ އެހެން އެއްޗެއްތޯ ބެލުމަށްޓަކައެވެ. ދުވަސްކޮޅަކީ މާލެ ތެރެއިން އެކި ދިމަދިމާއިން ވިހާފައި އެއްލާލާ ކުދިންގެ ވާހަކަ މީޑިއާގައި ދެކެވެމުން ދިޔަ ދުވަސްވަރަކަށް ވާތީއެވެ.

“ކޮއްކޯ، މީ ހިތުގައި ކުޑަ ވެސް ރަޙުމެއް ހުރި މީހަކަށް ބަލަން ކެތްވާނޭ މަންޒަރެއް ނޫން، ގޭދޮށަށް ދަމާ ބަހީ” ދެފަރާތަށް ބޯހޫރާލާފައި ރޭޝްމާގެ ކަނާތްފަރާތުން ކޮނޑުގައި ހިފަހައްޓާލައިގެން ހުރި އަންހެންމީހާ ބުނެލިއެވެ.

ގެއަށް އައިސް ވަދެވުމާއެކު ސިޓިން ރޫމުގައި ހުރި ސޯފާގައި ރޭޝްމާ އިށީނެވެ. ފެންކަޅިވެފައި އިން އިރު އޭނާ އިނީ ކަމަކަށް ގެއްލިފައި އިން މީހަކު ފަދައިން ބަސްހުއްޓިފައެވެ. އެސްފިޔަ ޖަހާލާތަން ފެންނަނީ ވެސް އެތައް އިރެއް ފަހުންނެވެ. އެހެން އިނދެ އެއްއަތް ހިއްލާލީ ލޮލުން ވެއްޓެން އައި ކަރުނަތިކި ކޯތާފަތުން ލާފައި ފައިބައިގެން ދިއުމުގެ ކުރިން ފުހެލުމަށްޓަކައެވެ.

“ރީން…”

މަޑުމަޑުން ޒޫރިންގެ ނަން ކިޔާލި ރޭޝްމާގެ ޚިޔާލުތައް އެތަށް އަހަރެއް ކުރިއަށް ދެމިގަތެވެ. އެއީ ވެސް މި ފަދަ ދުވަހެކެވެ. މީހަކާ އިނުމަށް ވިސްނާފައި ނުވާ ރޭޝްމާގެ ހަޔާތުގައި ލޯބިވެރިން ވަރަށް ގިނައެވެ. އުޅެން ބޭނުންވި ގޮތަށް އުޅުމުގެ މިނިވަންކަން އޭނާއަށް ލިބުނުތާ އޭރު ވީ ދެ އަހަރެވެ. އެއީ ދޮންބައްޕަ މަރުވެ ގޭގެ ހުރިހާ ބާރެއް ރޭޝްމާގެ އަތަށް އެރުމުންނެވެ.

ފަތިސްވެގެން އައިއިރު ރޭޝްމާ އުޅުނީ ހޭލައެވެ. އިރު އެރުމުގެ ކުރިން ކޮޓަރީގައި ގެންގުޅުނު ލޯބިވެރިޔާ އެގެއިން ނެރުމަށެވެ. އޭނާ ނިކުމެގެން ދިއުމުން ބަދިގެއަށް ވަދެ އަމިއްލައަށް ހެނދުނުގެ ސަޔަށް ލުއި އެއްޗެއް ހަދާލައިގެން ކާން އިށީނެވެ. ކެއްކުމަށް ބޭނުންވާ ބައެއް އެއްޗެހި ގޭގައި ނެތްކަން އެނގޭތީ ރޭޝްމާ ގަސްދުކޮށްގެން ހުރީ ގޭ ކައިރީ ހުރި ބޮޑުފިހާރައިން ހުރިހާ އެއްޗެއް ގަނެލައިގެން އައިސް ނިދުމަށެވެ. އެހެންވެ ހެނދުނު ފިހާރަށްތައް ހުޅުވާ ވަގުތަށް ރޭޝްމާ ރީތިވެލައިގެން ގެއިން ނިކުތެވެ. ވާތްފަރާތަށް އޮތް ހިމަ ގޯޅި އަޅައިގެން ދިޔައީ އެއީ ދުއްވާ ބޮޑެތި އުޅަނދުތަކަށް ނުވަދެވޭގޮތަށް އޮންނަ މަގަކަށް ވީމައި ފަސޭހަވާނޭތީއެވެ. ނަމަވެސް އެ ދުވަހަކީ ރޭޝްމާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަހެކެވެ. ގޯޅިގަނޑުގެ ވަކި ހިސާބެއްގައި ހުރި ލަކުޑިތަކާއި ފޮށިގަނޑުތަކެއްގެ ތެރެއިން ރުއިމުގެ އަޑެއް އިވުނުހެން ރޭޝްމާއަށް ހީވިއެވެ. އަޅާނުލާ ކުރިއަށް ދާން ހިތަށް އަރާފައި ވެސް އޭނާގެ ޟަމީރު އެކަމާ އެއްބަސް ނުވުމުން ކުނިތަކާ ކައިރިއަށް ޖެހިލިއެވެ. އެހިނދު ބޮޑު އަތްދަބަހެއް ލަކުޑިގަނޑާއި ފޮށިތަކުގެ ފަހަތަށް ލާފައި އޮއްވާ ލޮލުގައި އަޅައިގަތެވެ. އެ ދިމާއަށް ގުދުވުމުން ކުޑަކުއްޖާ ރޯއަޑު ޔަޤީންވުމާއެކު އިތުރަށް ރޭޝްމާއަކަށް ނުހުރެވުނެވެ. އަވަހަށް އަތްދަބަސްނަގާ އެއްފަރާތްކޮށްލަމުން ހުޅުވާލިއެވެ. އޭރު ރީތިރީތި ދޮންދޮން ކުއްޖަކު ހުދުރަޖައަކަށްލާ އޮޅާލާފައި އޭގެތެރޭގައި އޮތެވެ. ދެ ލޯ ބޮޑުވުމާއިއެކު ހަދާނޭ ގޮތެއް ނޭނގި ވަށައިގެން ރޭޝްމާއަށް ނަޒަރު ހިންގާލެވުނެވެ. ފެންނަ ހިސާބުގައި މީހަކު ނެތެވެ. އުސްއިމާރާތްތަކާއި އެއްފަރާތުން ހެދިފައި އޮތް ބޮޑު ގަހުގެ ހިޔަލުން މުޅި މަގު ހިޔާކޮށްލާފައި އޮތެވެ. ރޮމުން ރޮމުން ރަޖާގަނޑުގެތެރެއިން އެކުއްޖާގެ އަތް ނެރުނެވެ. ރޭޝްމާގެ ހިތަށް ކުރި އަސަރާއެކު އަންހެނަކަށްވީތީ މައިވަންތަކަމުގެ ކުލުނު ވަދެގެން ދިޔައެވެ. ދުވަހަކު ދަރިއެއް ލިބިފައި ނުވިއެއްކަމަކު ރޭޝްމާ ވަރަށް ފަރިތަކަމާއެކު އެ ތުއްތުކުއްޖާ އަތްދަބަހުގެ ތެރެއިން ނަގާ އޭނާގެ އަތުގެތެރެއަށްލިއެވެ. މެޔާ ކައިރިކޮށްލަމުން މަސަލަސްކުރުމުގެ އަޑެއްލައްވާލެވުނީ ބޭއިޚްތިޔާރުގައެވެ.

“ހާދަ ވަރަކަށް އެ ރޮވެނީ، ކިހިނެއްވީ؟” މަގަށް ވަދެގެން އައި މުސްކުޅިފުރައިގެ ފިރިހެނެއްގެ އަޑު އިވި ރޭޝްމާ އިސްއުފުލާ ބަލާލިއެވެ. އެހިނދު އޭނާ ގަތީ ބިރެވެ. އަތުގައި އޮތީ ނުވެސްދަންނަ މީހަކު ދަރިއެކެވެ. އޭނާ ކުއްވެރިވެދާނޭތީ ބިރުގަތީއެވެ. އެހެންނަމަވެސް ހިތަށް ފިނިކަމެއް ލިބިގެންދިޔައީ ކުރިމަތީ ހުރި މުސްކުޅި މީހާގެ ވާހަކައިންނެވެ.

“ކޮއްކޯ، ކޮންތާކަށް ތިދަނީ، އަހަރެންގެ ގެ މިހިރީ މިތާ ކައިރީ، ދަރިފުޅު އެވަރަށް އެރޮނީ ކަމެއް ބޭނުންވެގެން ކަންނޭނގެ، ކަމެއް ބޭނުންވެފައި ހުރިއްޔާ އަންނަންވީނު އަހަރުމެން ގެއަށް، އަހަރެންގެ އަންހެނުންގެ ކޮއްކޮ ވެސް އުޅެނީ ވިހައިގެން… ތިވަރަށް ރޮއެރޮއެ އޮއްވާ ގޮވައިގެން ދާކަށް ނުވާނެ”

“ދަރިފުޅު….” ރޭޝްމާގެ އަތުގައި އޮތް ތުއްތުކުއްޖާ ބަލަންހުރެ އޭނާއަށް ބުނެވުނެވެ. އެހެންނަމަވެސް އޭނާ އެ މީހާގެ ދަޢުވަތު ޤަބޫލުކުރުމުގެ ބަދަލުގައި ޝުކުރު އަދާކޮށްފައި އަވަސްއަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ.

ފުލުހުންނަށް ގުޅީ އެއަށްފަހުއެވެ. ވީގޮތް އެމީހުންނަށް ކިޔައިދިނެވެ. ވަގުތުން ވަގުތަށް އެކުއްޖާ ފުޅު ރޭޝްމާއާ ވަކިކޮށްގެން އެމީހުން ނުގެންދެއެވެ. އެހެންނަމަވެސް އެކުއްޖާގެ ވާހަކަ މުޅި މީޑިއާގައި ފެތުރިގެންދިޔައެވެ. ވިހާފައި އެއްލާފައި އޮތްކުއްޖެއްގެ ގޮތުގައެވެ. އެކުއްޖާ ބެލުމަށްޓަކައި ގެންދެވުނީ ކުޑަކުދިންގެ ހިޔާއަށެވެ. ﷲ އެ ތުއްތު ފުރާނަ އެ ދުވަހު ހަވާލުކުރީ ރޭޝްމާގެ އަތްމައްޗަށްކަން އޭނާގެ ޟަމީރު ޤަބޫލުކުރިއެވެ. އެކުއްޖާ ދޫކޮށްނުލެވުނީ އެހެންވެއެވެ.

ރޭޝްމާގެ ގާތަށް މަޖާކުރުމަށްޓަކައި އަންނަ މީހުންގެ ތެރޭގައި އިސް މަޤާމުތަކުގައި އުޅޭ މީހުން ވެސް ތިބެވެ. އެގޮތުން އޭނާގެ ގާތަށް އަންނަ ޤާނޫނީ ވަކީލަކާ ރޭޝްމާ ވާހަކަދެއްކިއެވެ. އޭނާއަށް އެކުއްޖާ ލިބޭނޭ ގޮތަކާ މެދުއެވެ. ދިވެހިރާއްޖޭގައި ވެސް ކުދިން އެޑޮޕްޓު ކުރެވެއެވެ. އެއީ ގިނަ ދުވަސްތަކެއް ނަގާކަމެކެވެ. އަދި ކުއްޖާއާ ހަވާލުވާ ފަރާތްތަކަކީ ވަކި ޝަރުތަކެއް ފުރިހަމަވެފައި ތިބި ބަޔަކަށް ވާންޖެހެއެވެ. ޤާނޫނީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރޭޝްމާ ވިއެވެ. އެހެންނަމަވެސް އޭނާއަކީ އެކަނި ހުރި އަންހެނަކަށް ވާތީ އެކަން ވުން ފަސޭހަކަމަށް ނުވިއެވެ. އެހެންވެ އެކުގައި ވަގުތުކޮޅެއް ހޭދަކުރެވިފައި ހުރި އެކުވެރިއެއްކަމުގައިވާ ނާޒިލުގެ އެހީއަށް އެދުނީއެވެ. ބަދަލުގައި ފައިސާ ދޭން ބުނެއެވެ. ކޮންޓްރެކްޓު ކައިވެންޏެއް ނާޒިލު އާއި ރޭޝްމާގެ މެދުގައި ކުރެވިގެން ދިޔައީއެވެ. އެކަން އެނގޭ އެކަކު ވެސް ނެތެވެ. އެންމެން ވެސް ހީކުރީ ރޭޝްމާ އާއި ނާޒިލު އުޅެނީ ވަރަށް ލޯބިން ވަރަށް ހަމަޖެހޭ ދިރިއުޅުމެއްކަމެވެ. އެމީހުން ކައިވެނި ކުރީ ރައްޓެހިވެގެން އެތައް ދުވަހަކު އުޅެފައި ކަމުގައެވެ.

“އަހަރެން މިކުއްޖާއަށް ކިޔާނީ ޒޫރިން…” އެއީ އެއްލާލާފައި އޮއްވާ ރޭޝްމާ ނެގި ކުއްޖާއަށް އޭނާ ކިޔަން ނިންމި ނަމެވެ. އެތައް މަރުހަލާތަކެއް ނިމިގެން ދިޔައިރު ވެސް އެކުއްޖާއަށް ބަދަލުއަރާ އެއްވެސް ފަރާތެއް ނުފެނުނެވެ. މައްސަލަޖެހުނީ ހައްލުނުވާނޭ ކަމަކަށްވާތީ ފައިލުކުރާށެވެ. އެކުއްޖާގެ މަންމަ އާއި ބައްޕައަކީ ކޮބައިގެން ހޯދޭނޭ އެއްވެސް ގޮތެއް ނެތެވެ. އެހިނދު ކުޑަކުދިންގެ ހިޔާއިން އެކުއްޖާ ގެނެސް އަމިއްލަ ދަރިއެއްހެން ބެލުމުގެ ހުރިހާ ޒިންމާއެއް ނެގީ ރޭޝްމާއެވެ. އޭނާއަށް އެހީތެރިވުމުގައި ނާޒިލު ހުއްޓެވެ

ކުޑަކުދިންގެ ހިޔާއިން ކުދިން ދޫކޮށްލިއެއްކަމަކު އެކުދިން އުޅޭ މާހައުލު ބަލަމުން ދެއެވެ. އެގޮތުން ރޭޝްމާ އޭނާގެ ދަރިއެއްގެ ގޮތުގައި ޒޫރިން ގެނައި ދުވަހުން ފެށިގެން އެކުއްޖާގެ ކަންކަން ބެލުމަށް ކޭސްވޯކަރއެއްގެ ގޮތުގައި ކުޑަކުދިންގެ ހިޔާއިން ކަނޑައެޅީ ސާރާއެވެ. ރޭޝްމާ އާއި ސާރާ ބައްދަލުވާން ޖެހުނީ އެހެންވެއެވެ. ކޯޓުން ރޭޝްމާއަށް ޤާނޫނީ ގޮތުން ޒޫރިން ބެލުމުގެ ހުރިހާ ހައްޤެއް ލިބިދިނެވެ. މަންމައަކަށް ވުމުގެ ފުރުޞަތު ރޭޝްމާއަށް ލިބުނެވެ.

ޚިޔާލުތަކުގެ ތެރެއިން އަނެއްކާ ވެސް ރޭޝްމާ ލޯ ފުހެލިއެވެ. ހިތާހިތާ ޒޫރިން މިވަގުތު ނެތްކަން އެއީ ނަސީބެކޭ ބުނެލެވުނެވެ. އޭނާ އެއްފަހަރު ވެސް ޒޫރިންއަކީ ބޭނުންނެތިގެން މަގުމައްޗަށް މަރުވާން އެއްލާލާފައި އޮތްކުއްޖެކޭ ނުބުނެއެވެ. ކޮންމެ ފަހަރަކު ވެސް ބުނަމުން އައީ ޒޫރިން ގެނައީ ކުޑަކުދިންގެ ހިޔާއިން ކަމުގައެވެ. އެވަރު ވެސް ރޭޝްމާ ބުނާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އަމިއްލަ ދަރިއަކަށް ދުވަހަކު ވެސް ޒޫރިން ނުވާނޭކަން އޭނާއަށް އެނގެއެވެ. އެހެންވީމާ ޒޫރިންނަށް އޭނާގެ އަމިއްލަ ނަފުސާ ބެހޭގޮތުން ކޮންމެވެސް ހަޤީޤަތް އެނގިފައި އޮންނަން ޖެހޭނޭކަން ރޭޝްމާއަށް ވިސްނުނީއެވެ. އޭނާ އެ ދަރިފުޅަށްޓަކައި މުޅިން އައު ދުނިޔެއެއް ދައްކައިދިނެވެ. އޭނާގެ އަނދިރިފަރާތުގައި ދަމާލި ފަރުދާއާއެކު ހުރިހާ ނުބައިކަމެއް ސިއްރުކުރަމުންނެވެ. ރޭޝްމާގެ އަމިއްލަ ނަފުސު ބަދަލުކުރަން ބޭނުންވަނީ ވެސް އެހެންވެއެވެ.

“އެކުއްޖާ މާރާލާން ކެރުނުކަން…. އެފަދަ އަންހެނުން ދަރިންލިބުމުގެ އުފަލުން މަހުރޫމުކުރައްވާނަމަ، ކޮންފަދަ ރަހުމުކުޑަގޮތަކަށް އެއޮތީ… ދަރިން ބޭނުންވާ މީހުންނަށް އެކުދިން ދޭނަމަ ކީއްވާނީ…” ރޭޝްމާއަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއެކު އެކަނި ގޭގައި އިނުމަށް އޭނާ ބޭނުމެއްނުވިއެވެ. ނާޒިލަށް ގުޅާފައި އޭނާ ގެއަށް ގެނައެވެ. އަދި ކަންތައްވީގޮތް ކިޔައިދިނެވެ. ނާޒިލު އައިއިރު އެ ސަރަޚައްދަށް ފުލުހުން ވެސް އަތުވެއްޖެއެވެ. އަދި އެއްވެފައި ތިބި މީހުންތައް އެތަނުން ފޮނުވާލައިފި ކަމަށް ނާޒިލު ބުންޏެވެ.

* * * *

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. އީތަން އޮފީހަށް ވަންތާ އަހަރުވީއެވެ. އޭނާއަށް ކުންފުނީގެ ގިނަ ކަންތައްތަކެއް ނުފައިލުގެ ފަރާތުން އެނގިގެން ދިޔައެވެ. އޭނާއަށް ކަންކަން ދަސްކޮށްދިނުމުގައި ނުފައިލުގެ އެހީތެރިކަން ވަރަށް ބޮޑެވެ. ވެރިއަކަށްވުރެ ގާތް ގޮތެއް ނުފައިލުގެ ހުރިކަން އީތަންއަށް ފާހަގަ ކުރެވުނެވެ. ކުއްލިއަކަށް އޮފީހުގައި މަސައްކަތްކުރާ ހިތްޖެހި ޝައުގުވެރިކަން އުފެދިގެން ހިނގައްޖެއެވެ. މަސައްކަތަށް ފަރުވާތެރިވާން ސަމާލުވެވުނެވެ. ނުފައިލު ކަންކަން މަޝްވަރާ ކުރާ ޚާއްޞަ މީހަކަށް އީތަންވެއްޖެއެވެ. ދެމީހުންގެ ރަޙުމަތްތެރިކަން ބަދަހިވިއިރު އޮފީހުގައި ދެން އުޅޭ ޒުވާނުންނާ ވެސް އީތަން ގުޅުނެވެ. އެހެންނަމަވެސް އަންހެންކުދިންނަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޮފީހުގެ ބައެއް އަންހެންމުވައްޒަފުން ރައްޓެހިކަން ބާއްވަން ބޭނުންވާ ބޭނުން އީތަންއަށް ކަމަކު ނުދެއެވެ. އޮފީސް ވަގުތު ފިޔަވާ އެހެން ވަގުތުތަކުގައި އެމީހުން ގުޅުމީ އީތަން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ ކަންތަކެވެ. މީހަކާ ހިތާވެގެން އުޅޭކަން މުޅި އޮފީހަށް އަންގަން އީތަންއަށް ޖެހުނީ އެހެންވެއެވެ. ނަމަވެސް އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންތައްތައް އޮފީހުގެ މުވައްޒަފުންނާ ޚިއްސާއެއްނުކުރެއެވެ.

އީތަން އާއި ޖަޒްލާގެ ގުޅުމަށް ތިން އަހަރު ފުރިފައިވިއެއްކަމަކު އިތުރަށް އެގުޅުން ބަދަހިކުރާކަށް ޖަޒްލާ ނުވިސްނައެވެ. އެކަމަކު އީތަންގެ ވިސްނުން ހުރީ ބަދަލުވެފައެވެ. އޮފީހުގައި ރަނގަޅަށް ހަމަޖެހެވުމާއެކު އޭނާ މިހާރު ވިސްނަމުން ދަނީ ޖަޒްލާއާ ކައިވެނި ކުރާށެވެ. އެކަމުގެ ވާހަކަ ދެއްކުމަށް އީތަން ރާވައިގެން ހުރެ ޖަޒްލާމެންގެއަށް އައެވެ.

“ހާއި، އީތަން!” ޖަޒްލާގެ ކޮޓަރި ހުޅުވާލި ވަގުތު އޭނާގެ އެނދުގައި ޖަޒްލާގެ ދެ ޓޮޕެއް އަޅުވާފައި ހުރި ކޮނޑު ދެއަތުން އުފުލާލައިގެން އިން ކައިލަން ބުނެލިއެވެ.

“އޯ ބޭބްސް، ތިއައީތަ؟” އީތަންއަށް ގޮވާލި އަޑު އަލަމާރިއަށް ބޯދިއްކޮށްގެން އޮތް ޖަޒްލާއަށް އިވުމުން ބުނެލިއެވެ. އަދި އަވަސް އަވަހަށް އަލަމާރި ދޮރުފަތް ލައްޕާލާފައި އީތަންއަށް ބަލާލިއެވެ. ދެ ކޮނޑު އަރުވާލަމުން އީތަން ޖަޒްލާއަށް ބަލާލިއެވެ. އޭނާގެ ލޮލުން އެކޮއްލި އިޝާރާތުން އެ އަހާލީ ފެންނަމުން މިދަނީ ކޮންކަމެއް ތޯއެވެ. ކައިލަންއަށް ވެސް އީތަންކޮށްލި އިޝާރާތް ފެނުނެވެ.

“މިއުޅެނީ ޖޭޒްއަށް މިރޭ ލާނޭ ހެނދުމެއް ފައިނަލް ނުވެގެން…” ހީނލާފައި ކައިލަން ބުނެލިއެވެ. އެހެންނަމަވެސް އީތަންވީ ފޫއްސެވެ.

“އަހަރެން މިހިރީ ބެލްކަނީގައި” ފޫހިކަން މޫނުމަތިން ފޮރުވާލައިގެން ހުރެ އީތަން ބުނެލިއެވެ. އަދި ޖަޒްލާއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހަލުވިކަމާއެކު އިތާން އެކޮޓަރިން ނިކުމެއްޖެއެވެ.

ބެލްކަންޏަށް ނިކުމެވުނު އިރު އެތަނުގައި ދެކޮޅަށް ހިނގާލަހިނގާލާ ޖަލާލު ހުއްޓެވެ. އަތުގައި ފޯނު އޮތެއްކަމަކު ކަންފަތަށް ފޯނުގެ ހެޑުސެޓު ޖަހާލައިގެން ހުރެ އޭނާ ކޮންމެވެސް މީހަކާ ހީނހީނފައި ވާހަކަދައްކަނީއެވެ. ޖަލާލުގެ ހަރަކާތްތައް ހުރިގޮތުން އޭނާ އެ ވާހަކަދައްކަނީ އަންހެންކުއްޖަކާހެން އީތަންއަށް ހީވިއެވެ. އެހެންނަމަ އީތަން ފެނުމުން ޖަލާލުގެ ކޯލަށް މެދުކެނޑުމެއް އަތުވެދާނެއޭ އީތަންގެ ހިތަށް އެރިއެވެ. ބެލްކަންޏަށް ނުކުތުމުގެ ޚިޔާލު އީތަން ދޫކޮށްލިއެވެ. ހިތަށް ލިބުނު ނުތަނަވަސްކަން އިތުރުވުމާއެކު އިތުރަށް އެގޭގައި ހުންނާކަށް ވެސް އީތަންގެ ޟަމީރު އެއްބަހެއްނުވިއެވެ. އޭނާ އައީ ހަމައެކަނި ޖަޒްލާއާ ބައްދަލުކުރާށެވެ. އެކަން ޖަޒްލާއަށް ރަނގަޅަށް އެނގޭނެއެވެ.

“އީތަން… ދަނީތަ؟ ކޮބާ ޖޭޒް” ކައިގެން ނިކުމެ ސިޓިންރޫމުގައި މަޑުކޮށްލައިގެން އިން ކާމިލަށް އެގެއިން ނިކުންނަން ދިޔަ އީތަން ފެނުމުން ގޮވާލާފައި އަހާލިއެވެ.

“އޮފީސްކަމަކު ދާން ޖެހިގެން މިދަނީ، ޖޭޒް ވެއްޖެ ކޮޓަރީގައި…”

“ކައިލަން އެބައުޅޭ ދޯ” ކަމާލުގެ އެ ސުވާލުން އިތުރަށް އީތަންގެ ނިތަށް ރޫއަރައި ދެބުމަކައިރިކޮށްލެވުނެވެ. އެހެންނަމަވެސް އޭނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އަދި ދަނީ ކަމުގައި ބުނެ އެގެއިން ނިކުތެވެ.

ދޮރޯށި ކައިރީ މަޑުކޮށްލައިގެން ހުރެ އީތަން ފޯނު ނެގުމަށް ޖީންސުގެ އަރިމަތީ ޖީބުގެ ތެރެއަށް އަތްތިލަ ކޮށްޕާލިއެވެ. އެހެންނަމަވެސް އޭނާ ޖީބުން ނެގީ ކުޑަފޮށްޓެކެވެ. އެއީ ޖަޒްލާގެ ގާތުން ކައިވެންޏަށް އެދެންވެގެން ގެނައި އަގޮއްޓިއެވެ. ގަދަނޫކުލައިގެ ކުޑަފޮށި ހުޅުވާ އީތަން ބަލާލިއެވެ. ފީރޯޒުޖެހި ރިހިއަނގޮއްޓިއެކެވެ. އެފޮށި ލައްޕާލުމާއެކު އަނެއްއަތުން ފޯނު ނެގިއެވެ. އަދި ޖަޒްޒާއަށް މެސެޖުފޮނުވާލީ އޮފީހުގެ ބަހަނާ ދައްކާފައެވެ.

ހިނގަމުން ދިޔަ އީތަން އިސްޖަހާލައިގެން ހުރެ ކުރިއަށް ދިޔައެވެ. އޭނާގެ މިސްރާބަކަށް ވެފައި ހުރީ އަމިއްލަ ގެއަށް ދިއުމަށެވެ. ދިހައެއް ޖަހަން ކައިރިވަމުން އަންނާތީ ފިހާރާތަކަށް ވަދެނިކުމެވާމީހުން މަގުތަކުގައި ގިނައެވެ. ޖެހިގެން އޮތީ ހުކުރުދުވަހެވެ. ބައެއް ފިހާރަތަކަކީ ހުކުރު ދުވަހުގެ ހެނދުނު ނުހުޅުވާ ފިހާރަތަކެވެ. އެހެންވެ ކުރީބައިގައި ބޭނުންވާނޭ ކާބޯތަކެތީގެ ބާވަތްތައް ގަތުމުގައި ގިނަބަޔަކު އުޅޭތަން ފެނެއެވެ. މަޖީދީމަގުން ހިނގަމުން އައި އީތަން މީހުންގަނޑުގެ ކިބައިގެން ސަލާމަތްވުމަށް އެހެންމަގަކަށް ނިކުތެވެ.

“ކޮއްކޮ ހޯދަން ކުއްޖަކު އައި…” އީތަން އައިސް ގެއަށް ވަނުމާއެކު ދިގު ސޯފާގޮނޑީގައި ރިމޯޓު ހިފައިގެން އޮށޯވެލައިގެން އޮތް އައިނީ ބުނެލިއެވެ.

“ކާކު؟” އީތަންއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެގެއަށް އޭނާ ހޯދަން އަންނަވަރުގެ މީހަކަށް މިހާރު ހުންނާނީ ޖަޒްލާއެވެ. އެކަމަކު އަދި ޖަޒްލާއަށް އެގެއަށް އާދެވޭހާ އިރެއްނުވެއެވެ.

“ކާކުހެން ހީވަނީ….” އައިނީ ސަމާސާ ގޮތަކަށް ބުނެލިއެވެ. އޭނާއަށް އީތަންގެ ޠަބީޢަތަށް ބަދަލުތަކެއް އައިސްފައި ހުރިކަން ކުޑަކޮށް ވެސް ނޭނގެއެވެ.

“ދޮން ބުނަންބޭނުންނުވަންޏާ ނުބުނޭ، އަޅުގަނޑު މިދަނީ…”

“ގްރަމްޕީ…. އަބަދު ހުންނާނީ ރުޅިގަދަވެފައި…. އިހަށް މަޑުކޮށްބަލަ…. އާދެބަލަ މިތާ ސޯފާއަށް، އޭރުން ބުނާނަން… ޕްލީ…ޒް….” އައިނީ އާދޭސްކޮށްލިއެވެ. އެއާއެކު އައިނީއަށް ބަލާލާފައި ފުންނޭވާއެއް ބާރުކޮށްލަމުން އީތަން އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީނދެއްޖެއެވެ. އަދި އައިނީއަށް ބަލާލީ ދެން ބުނާށޭ ބުނާހެނެވެ.

“ކޮއްކޮ ހޯދަން އައީ ޝައުން”

“ޝޯން މާލެ އައީތަ؟” ކުއްލިއަކަށް އީތަންގެ ދެ ލޮލުން ފާޅުވޭވޭހުރި ފޫހިކަން ފިލާދިއުމާއެކު ތަފާތު ޝައުގުވެރިކަމެއް އުފެދިގެންދިޔައެވެ. އައިނީގެ ދުލުން ޝައުންގެ ނަންއިވުމާއެކު އީތަން ސުވާލުކޮށްލީ އެހެންވެއެވެ.

“ހޫމް! މާލެ އައީމަ އެއްނު މިގެއަށް އާދެވޭނީ، އެހެންނޫނަސް ގޭގަ މަޑުވާނަމައެއްނު މީހަކަށް ކޮއްކޮއާ ބައްދަލުވާނީ”

“ސީރިއަސްކޮށް ދޮން ބުނެބަލަ، ޝޯންތަ ހަމަ އައީ” އީތަން ޔަޤީންކުރަން ވަރަށް ބޮޑަށް ބޭނުންވެފައި އިނެވެ.

“އާނ! ހަމަ ޝައުން… އެ ނޯޓީ ސްޓުޕިޑުގަނޑު އެއީ… ވަރަށް ބަދަލުވެފައި ހުރީ، އޭނާ ބުނީ މިއަދު އޯ މާލެއައީ، ކޮއްކޮގެ ނަންބަރު ނެތީމާ ނުގުޅިގެންނޯ ހޯދަން އައީ، އޭނާ ދިޔައީ އޭނާގެ ނަންބަރު ދީފައި، ކޮއްކޮގެ ނަންބަރު ވެސް އޭނާ ހޯދި” ސޯފާއިން ތެދުވެ ކުރިމަތީ ހުރި ބިއްލޫރި ކުޑަމޭޒުމަތިން އައިނީ ފޯނު ނެގިއެވެ. އެހިނދު އޭނާ ކިޔަން އުޅޭ ނަންބަރު ނޯޓުކުރުމަށްޓަކައި އީތަން ވެސް އޭނާގެ ފޯނު ނެގިއެވެ.

“ކޮބާ މަންމަމެން” ހަމަޖެހިލާފައި ހުރި އީތަން އޭނާގެ ކޮޓަރިއަށް ދިއުމަށް ތެދުވަމުން އަހާލިއެވެ.

“ކޮޓަރީގައެއްނު މިގަޑީގައި އުޅޭނީ… އެކަމަކު ބުނަން، ދެން މިރޭ ބޭރަށް ނުދާތި، ބައްޕަ ނިކުމެދާނެ ކޮއްކޮ ކޮބާތޯ ބަލަން، އެނގެއެއްނު އެހާ ލަސްވަންދެން ބޭރުގައި އުޅެންޏާ ބައްޕަ ހިތްހަމަނުޖެހޭނެކަން” އަނެއްކާ ވެސް ސޯފާގައި އޮށޯންނަމުން އައިނީ ބުނެލިއެވެ.

ހިނިއައިސްފައި ހުރެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތް އީތަންގެ ފޯނު ރިންގުވިއެވެ. އޭނާއަށް ގުޅަނީ ޖަޒްލާއެވެ. ފޯނުގެ ރިންގު ކަނޑާލުމާއެކު “ޗޮކެއް” ކަނޑާލާފައި ކޮޓަރިއަށް ވަނެވެ. އޭނާ މިހާރު އެހުރީ ޝައުންއާ ބައްދަލުކުރަން ބޭނުންވެފައެވެ. ލިބިފައިވާ ހުރިހާ ހިތްހަމަނުޖެހުމެއް ފިލައިގެން ދިޔައީ ޝައުން މާލެ އަތުވެއްޖެކަން އެނގުނީމައެވެ.

ޝައުންއަކީ އީތަންގެ އެންމެ ގާތް ރަޙުމަތްތެރިއާއެވެ. ކިޔެވުމުގެ ދުވަސްވަރުން ފެށުނު ރަޙުމަތްތެރިކަން ބަދަހިވެ ދެމީހުންނަކީ އެކަކު އަނެކަކުގެ އެންމެ ގާތް ރަޙުމަތްތެރިންނަށްވީއެވެ. ސަކަ މިޒާޖެއްގެ ޝައުންއަކީ މީހުންނާ ގުޅޭ އައު ތަޖުރިބާތައް ކުރުމުގައި އަރާ ހުންނަ ޒުވާނެކެވެ. ސިޔާސަގޮތެއް ހުރުމާއެކު ޝައުންއަކީ އޭނާކުރާ ކަމަކުން ފަހުން ނިކުމެދާނޭ ނަތީޖާއަކަށް މާބޮޑަށް ވިސްނާ ފިކުރު ހިންގާ ޒުވާނެއްނޫނެވެ. އޭނާގެ ލާނެތްކަން އީތަންއަށް ވަރަށް ކަމުދެއެވެ. ޝައުންގެ މައިންބަފައިން އޭނާ ރާއްޖޭން ބޭރަށް ފޮނުވާލީ ވެސް އެހެންވެއެވެ. ކިޔެވުމުގެ ނަމުގައި ފޮނުވާލިއެއްކަމަކު ޝައުންގެ މައިންބަފައިން ކަންބޮޑުވީ އޭނާ މާލޭގައި މިއުޅޭ ވިޔާނުދާ ކުދިންނާ ގުޅިދާނޭތީއެވެ. ރައްޓެހިކަން ބާއްވާކަށް ވަކިބައެއް ޝައުންއަކަށް ނޯވެއެވެ. އޭނާއަށް ކަމުދާންޖެހެނީ އެމީހެއްގެ މިޒާޖެވެ. އޭނާގެ ފެންވަރާއި އުޅުމަކަށް ބެލުމެއްނެތެވެ. އެހެންނަމަވެސް ޝައުންގެ ޢާއިލާއަކީ މާލޭގައި އުޅެވޭ ޢާއިލާތަކުގެ ތެރެއިން ބޮޑު ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ޢާއިލާއަށް ލިބިދާނޭ ހުތުރުނަމަކާމެދު ޝައުން ނުވިސްނިއެއްކަމަކު އޭނާގެ މައިންބަފައިން ޝައުން ގެންގުޅެނީ ނިކަން ހިފަހައްޓައިގެންނެވެ.

ޝައުން ފުރައިގެން ދިޔަފަހުން ދޭތެރެއަކުން ފޭސްބުކް މެދުވެރިކޮށް އީތަންއާ ވާހަކަދައްކާ ތަފާތު ވައްތަރުގެ ފޮޓޯ އީތަންއަށް ފޮނުވާފައި ހުރެއެވެ. އީތަން ހުރީ ޝައުން އެނބުރި އަންނާނެ ދުވަހެއް ނޭނގޭތީ އެކަމާ ދެރަވެފައެވެ. ވާނީ އެހެންތާއެވެ. ދެ ޒުވާނުން ނުލާހިކު އެކުގައި އުޅެފައި ޝައުން ފުރައިގެން ދިޔަފަހުން މިހާރު ފަސްއަހަރަށްވުރެ ގިނަ ދުވަސްވީއެވެ. އޭގެ ފަހުން ޝައުން ވެސް މާލެ އަންނާނެ ކަމުގެ އެއްވެސް ޝައުގުވެރިކަމެއް ފާޅެއްނުކުރެއެވެ. އެހެންވެ އޭނާ މާލެ އައުންވީ އީތަންއަށް ވަރަށް ބޮޑު ޝޮކެއް ލިބުނުކަމަކަށެވެ. ޤަބޫލުނުކުރެވުނަސް އޭނާ މިހާރު އެހުރީ ޝައުންއާ ބައްދަލުކުރަން ބޭނުންވެފައެވެ.

ޖަޒްލާ ދެތިން ފަހަރަށް ގުޅުމުން އިތުރަށް ނުގުޅުމަށް ބުނެ އީތަން މެސެޖު ފޮނުވާލިއެވެ. އަދި ހަމަ އެ މެސެޖުގައި އޭނާއަށް ވަގުތުވީމާ ގުޅާނަން ކަމުގައި ބުންޏެވެ. ޖަޒްލާއާ ވާހަކަދައްކައިގެން އިތުރަށް މޫޑު ގޯސް ކުރާން އީތަން ބޭނުމެއްނުވިއެވެ. އެހެންވެ އަވަސްއަވަހަށް އޭނާ ގުޅީ ޝައުންގެ ނަންބަރުގެ ގޮތުގައި އޭނާއަށް އައިނީ ދިން ނަންބަރަށެވެ.

“ހެލޯ ބަޑީ… މަ މިހިރީ މާލޭގައޭ…. ކަލޭ ކޮބާ؟” އީތަންއަށް އެއްޗެއް ނުބުނެވެނީސް ޝައުން ވާހަކަދައްކަން ފެށިއެވެ.

“މިހާރު މިހިރީ ގޭގައި، ކީއްވެތަ ދޮން ނަންބަރު ދިނީމަ މަށަށް ނުގުޅީ، އެނގެއެއްނު ކޮންމެތާކު ހުއްޓަސް ޝޯން ގުޅާއިރަށް އަހަރެން އަންނާނެކަން، ދޮން ބުނި ޝޯން ހުރީ ވަރަށް ޗޭންޖުވެފަޔޯ… އާދެބަލަ…” ހިތް އަވަސްވެފައި ހުރި މީހަކު ވާހަކަދައްކާ ފަދައިން އީތަން ވާހަކަދެއްކިއެވެ.

“މިދަނީ…”

“ޔަސް…” ޖޯޝުއެކުލެވިގެންވި ގޮތަކަށް އީތަން ބުނެލިއެވެ. އަދި ޝައުން އަންނަންވާއިރަށް ޕީޒާއަށް އޯޑަރ ދިނެވެ. ޝައުންއަށް އެންމެ މީރު ކެއުމަކީ އެއީއެވެ. ޕީޒާ އާއި ކޯކު އެވެ.

* * * *

“ދެން ހިނގާ ކާން” ކައިލަން ބުނެލިއެވެ.

“ނުދާނަން އެއްތަނަކަށް ވެސް” ރުޅި ގަދަވެފައި އިން ޖަޒްލާ ބުނެލިއެވެ. އޭރު މުޅި ކޮޓަރިތެރޭގެ އެތަން މިތަނަށް ޖަޒްލާގެ ހެދުންތައް އުކާލާފައި ހުއްޓެވެ. އޭނާ އިނީ އެނދަށް އަރާ ދެފައިވަށްކޮށްލައިގެން ދަތްދޮޅީގައި އަތްވިއްދާލައިގެންނެވެ. އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ކައިލަން ހުއްޓެވެ.

“ޖޭޒް ޕްލީޒް… ދެން ހިނގާބަލަ، އަހަރެން ވެސް މިހިރީ ނުކައެއްނު، ޖޭޒް ބުނީމަ ދޯ އެގަޑީގައި އައީ… އެހެންވީމަ ޖޭޒް ޖެހޭނެ އަހަންނާއެކު ކާންދާން، އީތަން ވޯންޓް މައިންޑް… މިރޭ އަވަހަކަށް އޭނާއަށް އެ އޮފީހަކު ސަލާމަތްވެވޭނެހެނެއް ހިޔެއްނުވޭ، އަނެއްކޮޅުން ވަރަށް މުހިއްމުކަމެއްވީމާ އެހާވަރުން އެ ދިޔައީ… ޖޭޒްއަށް ވެސް ފެނުނެއްނު އީތަން ހުރި ގޮތް، އޭނާ ހުރީ ޖޭޒް ގޮވައިގެން ޑިނަރއަށް ދާން ތައްޔާރުވެގެންނު…”

“ހިނގާ ދާން ކައިލަން” ކުއްލިއަކަށް ޖަޒްލާ އެނދުން ފުންމާލަމުން އެތާ ކައިރީ ހުރި ކައިލަންއަށް ފަހަތަށް ޖެހިލެވުނެވެ. ޖަޒްލާގެ ސިކުނޑީގައި ހިނގާ ކަންތައްތަކެއް އެކަކަށް ވެސް ނޭނގޭނެއެވެ. އޭނާ ޖަޒްލާގެ ޚިޔާލު ބަދަލުވޭތޯ ލައްކައިރު މަސައްކަތްކޮށްފިއެވެ. އެހެންނަމަވެސް ކުއްލިއަކަށް މިއައި ބަދަލެއް ކައިލަންއަކަށް ވެސް ނޭނގުނެވެ.

“އަހަރެން ބޭރުގައި މަޑުކޮށްލާނަން، ޖޭޒް ތައްޔާރުވެގެން އާދޭ” ޖަޒްލާގެ ހަރަކާތްތައް އަވަސްކޮށްލާފައި އުޅޭތަން ފެނި ކައިލަން ބުނެލިއެވެ.

“އުހުނ! ކައިލައިން ތިހުރިތަނުން އެހެންތަނަކަށް އެންމެ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެ… އެހެންމީހުން އަހަންނާމެދު ނުވިސްނަންޏާ އަހަރެން ވެސް ނޫޅެން އެމީހުންނާ ދޭތެރޭ ވިސްނާކަށް، އަހަރެން ވެސް އަހަރެންގެ ހިތް އުފާވާހާ ގޮތަކަށް އުޅުނީމާ ނިމުނީއެއްނު…” ހަރުކަށި ގޮތަކަށް ކައިލަންއާ ދިމާއަށް އެއްޗެއް ބުނެލާފައި އަމިއްލައަށް ކުދިކިޔަން ޖަޒްލާ ފެށިއެވެ.

ސޯފާމަތީ އޮތް ޖީންސެއްނަގާ ގޮނޑިމައްޗަށް އެއްލުމާއެކު ރީތިވާ މޭޒުކައިރި ހުރި ހަރެއްގައި އަޅުވާފައިވާ ޓޮޕުކޮޅު ހިފައިގެން ޖަޒްލާ ފާޚާނާއަށް ވަނެވެ. ގިނައިރެއް ނުވެ ހެދުން ބަދަލުކޮށްލައިގެން އޭނާ ނިކުމެ މޭކަޕްކޮށްލާ ތައްޔާރުވެލިއެވެ. އަދި އައިސް ކައިލަންގެ އަތުގައި ހިފާލުމާއެކު ދާން އެދުނެވެ.

* * * *

ޒޫރިން ކިޔަވަން ފުރިފަހުން ދޮޅުއަހަރު ފާއިތުވެގެން ދިޔައީއެވެ. އޭނާއަށް ލިބޭ ކޮންމެ ޗުއްޓީއެއްގައި ރޭޝްމާ ލަންކާއަށް ދެއެވެ. އަދި ލަންކާމަގުން ޒޫރިން ގޮވައިގެން އެހެން ޤައުމުތަކަށް ދަތުރުކުރެއެވެ. ޒޫރިންގެ ހިތްހަމަޖައްސާދިނުމަށެވެ. ތަފާތު ތަންތަނުން ބާޒާރުކޮށްލުމަށެވެ. ޒޫރިންގެ ނަވާރަވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ރޭޝްމާ އޭނާއަށް ގަނެދިނީ އޭރު ޒޫރިން އެންމެ ބޭނުންވެފައި ހުރި ހަދިޔާއެވެ. އެއީ ކުރެހުން އެޅި އެކޫސްޓިކު ގިޓައެކެވެ. ލަންކާގެ މިއުޒިކު ދަސްކޮށްދޭ ރޭގަނޑުގެ ކުލާހަކަށް ޒޫރިން ގޮސް ގިޓާ ކުޅެން ދަސްކުރީއެވެ. އަމިއްލަ ގިޓައެއް އޭނާ ބޭނުންވީ އެހެންވެއެވެ. ޒޫރިންގެ ގިޓާ ކުޅުމުގެ ހުނަރު ރޭޝްމާ ވެސް ހައިރާންކޮށްލިއެވެ. ކުރިން ޒޫރިންގެ އެފަދަ ހުނަރެއް ހުރެދާނޭ ރޭޝްމާއަށް ހީވެފައި ނެތީމައެވެ. ކިތަންމެ އަގުބޮޑަސް ރޭޝްމާއަށް ޒޫރިންގެ އުފާވެރިކަން މާ މުހިއްމެވެ. ބޮޑެތި ޚަރަދުތައް ކުރާނޭ ދެވަނަ ފަރާތެއް ވެސް ރޭޝްމާގެ ހުރީއެއް ނޫނެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *