LOABIVAATHEE UFAA DHEYNAMEY [EP-01]

ޢާއިލީ ކޯޓަށް މައްސަލައަކާ ގުޅިގެން ރޭޝްމާ ހާޟިރުކުރި މީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އޭނާ އެތަނަށް އައީ ދަރިފުޅުގެ ހައްޤުގައެވެ. ދެވަނަ ފަހަރަށް ވެސް އޭނާ ކޯޓަށް އައިސް އެހުރީ އަމިއްލަ އެދުމެއް އޮވެގެންނެވެ. އެހެންނަމަވެސް ގާޒީގެ ވާހަކަތައް އަމާޒުކުރެވިފައި ހުރީ ނާޒިލްއަށެވެ. ހިމޭންކަމާއެކު އެއްފަރާތުގައި ހުރި ގޮނޑީގައި ރޭޝްމާ އިށީނދެލައިގެން ނާޒިލް ބުނާނެ އެއްޗަކަށް މަޑުކޮށްލައިގެން އިނެވެ.

“މީ ކޯޓަށް ހާޟިރުކުރެވޭ ތިންވަނަފަހަރު، މީގެ ތިންމަސްކުރިން ނަޞޭޙަތްދީފައި ފޮނުވާލުމުން ވެސް ހެޔޮބަދަލެއް ނައީތީ ހިތާމަކުރަން، ކައިވެނި ރޫޅާލާން ނިންމުގެ ކުރިން ވަރަށް ރަނގަޅަށް ނާޒިލް ވިސްނިންތަ؟ ވަރިކުރަން ބޭނުންވާ ސަބަބުކަމުގައި އޮތީ އެހެންމީހަކާ އިންނަންވެގެންކަމަށް، ދީނުގައި ވެސް ރަނގަޅުގޮތެއް ނޫން އެއީ އެކަކާ އިނދެފައި އަނެކަކާ އިނދެފައި އުޅުން… އަނބިމީހާ ވަރިނުކޮށް ވެސް ދެވަނަ ކައިވެންޏެއް ކުރެވެން އެބައޮތް، އެކަމަކު ވަރިވުމަށް އެދި ފޯމު ލާފައި ވެސް މިވަނީ ހަމަ ނާޒިލް، އެހެންވީމާ ނާޒިލު ވަރަށް ވިސްނާފައި ނިކަން ނިންމަން ބޭނުންވާގޮތެއް ބުނެބަލަ”

“އަޅުގަނޑު… އަޅުގަނޑު އިތުރު މީހަކާ އިންނަން ބޭނުންވަނީ ރޭޝްމާ ވަރިކޮށްފައި، އޭނާއަށް ވެސް އެނގޭނެ މިހާރު އަޅުގަނޑުމެން ދެމީހުންނަށް އިތުރަށް އިނދެގެން ނޫޅެވޭނެކަން، އަބަދު މައްސަލަޖެހުމަށްވުރެ ދެ މީހުން ދުރުވުން މާ ރަނގަޅު، ގާޒީ… އަޅުގަނޑު ވިސްނާފައި ނިންމި ނިންމުމެއް މިއީ… އަޅުގަނޑުގެ މި ނިންމުމާ ރޭޝްމާ ވެސް ރުހޭ، މިހާރު އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނޯންނަތާ ތިންމަހަށްވުރެ ގިނަ ދުވަސްވެއްޖެ، ވަރިވާން ފޯމުލައިގެން ދެވަނަ ފަހަރަށް ކޯޓަށް ހާޟިރުކުރި އިރު ވެސް އަޅުގަނޑުމެން ދެ މީހުން ތިބީ ވަގުތުން ވަރިވާން ބޭނުންވެފައި، އެކަމަކު ކޯޓުން އެކަން ނުކޮށްދެއްވީ… އިއްޒަތްތެރި ގާޒީ… މުއްދަތު އިތުރު ނުކުރައްވާ މިއަދު ވަރީގެ ކަންތައް ނިންމަވާދެއްވާ…”

އިސްކޮޅުން ދިގު ބައިމަތި ފުޅާ ރީތި ފިރިހެނަކަށް ނާޒިލް ވާނެއެވެ. އެތައް މަލަކުން ފޮނިބުއިމަކީ ނާޒިލްގެ އާދައެވެ. އޭނާގެ އެ އާދަ ހިފީ ލިބިފައި ހުރި ރީތި ސިފައަކުންނެވެ. އަންހެނުން ވެސް ތިބެނީ ހޭބުއްދިފިލާފައި ކަހަލައެވެ. ރީތި ފިރިހެނަކު މައްލަވަކޮށްލާއިރަށް ތިބެނީ ފިސާރިވަރެއް ވެފައެވެ. ޅަކުދިން ގާތުން ފެށިގެން ދެބައި އުމުރުގެ އަންހެންގެ ގާތަށް ދިއުމަކީ ވެސް ނާޒިލްއަށް ބޮޑުކަމެއް ނޫނެވެ. ރޭޝްމާއަށް ވެސް ފާހަގަވީ ނާޒިލްގެ ރީތި ސިފައެވެ. ހަޔާތުގެ ބައިވެރިއަކަށް ހަދަން ހުރިހާ ސިފައެއް އެންމެ ފުރިހަމަ މީހަކަށް ރޭޝްމާއަށް ފެނުނީ ނާޒިލްއެވެ. ހަޤީޤަތުގައި ފިރިއެއްގެ ގައިގާ ހުންނަންޖެހޭ ހުރިހާ ސިފައެއް ކަމަށް ރޭޝްމާގެ ވިސްނުމުގައި ހުރީ އެހެންމީހުންގެ ހިތްތައް ކަތިލާފަދަ ރީތި ސިފައެއް އެ މީހަކަށް ލިބިފައި ހުރުންކަން ޔަޤީނެވެ. ނާޒިލްއަށް ލިބިފައިވަނީ އެ ފަދަ ރީތި ސިފައެއްކަން ޝައްކެއްނެތެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް އުޅުމެއްނެތެވެ. ފަރިވާ ކޮންމެ މަލަކުން އިޝާރާތެއް ވެލާއިރަށް އޭނާ ހުންނާނީ އެމަލެއްގެ ކައިރީގައެވެ. ޒިންމާދާރުކަމެއް ހުރި ފިރިހެނެއްނޫނެވެ. ހެދުން އެޅުމުގައި ހުންނަ ޒަމާނީ ވަށްޓަފާޅީން އޭނާ ފެންނަ ކޮންމެ މީހަކަށް ހީވާނީ މުއްސަނދިކަމުގެ ތެރޭ ބޮޑުވެފައި ހުރި ޝާހީ ޒުވާނެއްހެންނެވެ. އެއީ ވެސް ނާޒިލްގެ ކުޅަދާނަކަމެވެ. އޮފީހަކަށް ދިއުމުގެ ބަދަލުގައި އޭނާ އެންމެ ރަނގަޅުވާނީ ފިލްމުކުޅެން އުޅުނިއްޔާއެވެ. އެކްޓުކުރުމާއި އެހެންމީހުންނަށް އޮޅުވާލާ ދޮގު ހެދުމަކީ އަރުތެރޭންލާފައި ދާ ފެންފޮދު ފަދައެވެ. އަޅައިގަތުމެއް ހުއްޓުން އެރުމެއްނެތެވެ. އެހާ ވެސް އޮމާނެވެ. އެހާ ދޫ ފަރިތަވެފައި ފަސޭހައެވެ.

“ރޭޝްމާ އިތުރު އެއްޗެއް ބުނަން އެބައޮތްތައް؟” ނާޒިލްގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ގޮވާލީ ރޭޝްމާއަށެވެ. އެއާއެކު ރޭޝްމާ މަޑުމަޑުން ތެދުވެ ކޮޅަށް ހުއްޓުނީ އަދަބުވެރިކަމާއެކުއެވެ.

“ނާޒިލް ބޭނުންވާ ގޮތް ހަދަން އަޅުގަނޑު ރުހި ޤަބޫލު، ނާޒިލު ބުނިހެން މިހާރު އަޅުގަނޑު ވެސް ނާޒިލުއާއެކު އުޅޭކަށް ބޭނުމެއްނޫން” އެންމެ ފަހު ބަސްތައް ރޭޝްމާ ބުނެލީ ދެރަވެ ގޮތް ހުސްވެފައިވާ މީހަކު އިސްޖަހާލާނޭ ފަދަ ގޮތަކަށް އިސްޖަހާލައިގެން ހުރެއެވެ.

އެންމެފަހުން ނާޒިލު ބޭނުންވި ގޮތްވީއެވެ. ގާޒީ، ނާޒިލަށް އެންގީ ވަރިކުރަން ބޭނުންވާނަމަ ވަރީގެ ބަސްއިއްވުމަށެވެ. އެއާއެކު ލަހެއްފަހެއް ނުވިއެވެ.

“ރޭޝްމާ ތިހިރީ ވަރިކޮށްފައި” ޤައިދުގައި ހުރި މީހަކު މިނިވަންވުމަށް ތެޅިގަތްހެން ނާޒިލު އަވަސް އަރުވާލާފައި އިއްވާލިއެވެ. ރޭޝްމާ އަނގަކުން ނުބުންޏެވެ. އިސްއުފުލާ ބަލައި ވެސް ނުލިއެވެ.

ދެ މަފިރިންގެ ގޮތުގައި 2 އަހަރު އުޅުމަށްފަހު ކައިވެނި ރޫޅިގެން ދިޔައީތީ އެކަމާ ދެރަވާކަމުގެ އެއްވެސް އަސަރެއް ނާޒިލުގެ މޫނުމަތިން ނުފެނެއެވެ. ރޭޝްމާ ފުންނޭވާއެއް ލީ ގޮތުން ހީވަނީ އޭނާ ވެސް ނާޒިލުގެ ގާތުން ސަލާމަތްވީތީ ހިތްހަމަޖެހުނު ހެންނެވެ. ކޯޓުން ބޭރަށް ނިކުންނަން އައީ ދެމީހުން އެކުގައެވެ. އޭރު ބޭރުގައި ރޭޝްމާއާއެކު އެތަނަށް އައި ސާރާ އެތާ ހުރި ގޮނޑިބަރީގައި އިށީނދެލައިގެން އިނެވެ. އޭނާއަށް ރޭޝްމާ ފެންނައިރަށް ތެދުވިއެވެ. އަދި ނާޒިލްއަށް ބަލާލަމުން ލޯ އަޅާލިއެވެ.

“އެކަން ނިމިއްޖެ… ހިނގާ ގެއަށްދާން، މިވަގުތު އަހަރެން ބޭނުންވަނީ ޒޫރިންގެ ގާތުގައި ހުންނަން” މޮޅިވެރި ގޮތަކަށް ސާރާގެ ގާތުގައި އައިސް ހުއްޓިލަމުން ރޭޝްމާ ބުނެލިއެވެ.

“ރޭޝްމާ ދެރަވާނެކަމެއްނެތް، އެކަހަލަ މީހަކުގެ ކިބައިން ސަލާމަތްވެވުނީތީ އުފާކުރަންވީ… ޒޫރިންނަށް އެކަހަލަ ބައްޕައަކު ބޭނުމެއްނުވޭ…. އެކަމަކު… ކާކު ދޯ ހީކުރާނީ ނާޒިލް އެހެން އުޅެދާނެއޭ، އަހަރެން އަދިވެސް ހަނދާންހުރޭ ތި ދެމަފަރިން ޒޫރިން ބޭނުންވެގެން އުޅުނުގޮތް، އޭރު ނާޒިލް ވެސް ހާދަ ރަނގަޅޭ ދޯ… ބައެއް ފިރިހެނުން އޮޅުވާލަން ހަމަ މޮޅީ، އޭނާ ދެން އަޔަސް ރޭޝްމާ އޭނާއާ ނީންނާތި، އެ އިންނަން އުޅޭ އަންހެންކުއްޖަކަށް ވެސް ވަކި މޮޅުތަކެއް ނުވާނެ… އެހެން އުޅޭ ފިރިހެނުން އަބަދުވެސް އުޅޭނީ އެހެން، އެންމެ އަންހެނަކުން ނުފުދޭނެ…” ނާޒިލްއާ މެދު ސާރާ ހިތްހަމަނުޖެހިފައި ހުރި ވަރު ރޭޝްމާއަށް އެނގެއެވެ. ނާޒިލްގެ ކައިރިން ވަރިވާން ޚިޔާލު ދިނީ ވެސް ސާރާއެވެ. އޭނާ ކަހަލަ ވިޔާނުދާ ފިރިހެނެއްގެ އަނތްބެއްގެ ގޮތުގައި ހުރުމުން ރޭޝްމާއަށް ލިބޭނޭ އުފަލެއް ނޯންނާނޭކަން ވިސްނައިދިނީ ވެސް ސާރާއެވެ.

“ދެން އޭނާގެ ވާހަކަ ނުދައްކާ… ހިނގާ ދާން”

މަގުމަތިން ހުއްޓުވި ޓެކްސީއަށް ރޭޝްމާ އާއި ސާރާއެރިއެވެ. ގިނައިރެއްނުވެ ޓެކްސީ އައިސް މަޑުކޮށްލީ ހެންވޭރު ބުލޫމޫނަށެވެ. ޓެކްސީގެ ޑުރައިވަރަށް ފައިސާ ހަވާލުކޮށްފައި ރޭޝްމާ ފޭބި އިރު ސާރާ ކާރުން ފައިބައިގެން އޭނާގެ ގާތަށް އަތުވެއްޖެއެވެ. ރޭޝްމާ ޖެހިޖެހިގެން ހުރި ދެ ދޮރޯށީގެ ތެރެއިން ފެހިކުލައިގެ ދޮރޯށި ހުޅުވާލާފައި ދެމީހުން އެކުއެކީހެން ވަދެގެން އައެވެ. މައިގެއަށް ވަދެވެން އޮތް ހުސްތަން މާކަބޮޑުނޫނަސް އެތަނުގެ އެއްފަރާތު ފާރުގައި ޖައްސާފައި ޖޯލިފައްޗެއް ބަހައްޓާފައި ހުއްޓެވެ. ސިޓިން ރޫމަށް ވަދެގެން އައިސް ބަދިގެ ފަރާތާ ކައިރީ ހުރި ސިޑިން ރޭޝްމާ މައްޗަށް އަރަންފެށިއެވެ. ތިންބުރިއަށް އިމާރާތްކޮށްފައި ހުރި އެގެއަކީ ރޭޝްމާގެ މަންމަގެ ގެއެކެވެ. ދޮންބައްޕަ އެގެއަށް އަތްގަދަކުރަން އުޅުނެއްކަމަކު އެކަމެއް އޭނާއަކަށް ނުވިއެވެ. އެމީހާ ވެސް ކުއްލި ގޮތަކަށް މަރުވުމާއެކު މުޅި ގޭގައި ރޭޝްމާ އެކަނިވީއެވެ. އެހެންނަމަވެސް އޭނާއަށް އިހުސާސްކުރެވުނީ ފުރިހަމަ މިނިވަންކަން ލިބިގެން ދިޔަކަމުގެ އިހުސާސެކެވެ.

“ކޮބާ ކިހިނެއް ދިޔައީ ކަންތައްތައް، އޭނާ ފަހެއް ނުޖެހުނު ދޯ ވަރިކުރާކަށް” ކޮޓަރީގެ ދޮރު ހުޅުވާލާފައި ރޭޝްމާ ވަންތަން ފެނުމުން އެނދުގައި އިން ޒުބޭދާ އަހާލިއެވެ. އެއާއެކު ސާރާ ނިކަން އަވަހަށް ވާހަކަދައްކަން ފެށިއެވެ.

“އޭނާ ފަސްޖެހޭނެތަ؟ ކޯޓުން ނިކުމެގެން ދިޔައީ ވެސް ހެވިލާފައި ނިކަން ހަމަޖެހިލައިގެން ހުރެ، ހިތަށް އަރާ ލަދުހަޔާތްކޮބާބާއޭ؟ ރޭޝްމާ ކިހާ ވަރަކުން އުޅުނީ ނާޒިލްއާ ހެދި…. އަސްލު ރޭޝްމާ ވެސް އެހާ ޅައުމުރުގައި ކައިވެނިކުރަން ނިންމީމަ އެކަހަލަ ކަމެއް އެވީ…”

“ނާޒިލްއަށް މަގުއޮޅުވާލީ އެ އަންހެންމީހާހެން މަށަށް ހީވަނީ، ކުރިން ނާޒިލް ވެސް އުޅޭތަން ފެންނަނީ ރޭޝްމާދެކެ ނިކަން ލޯބިން، ހަމަ ކުއްލިއަކަށް އޭނާ އެ ބަދަލުވީ، ވަކި އޭނާ ރަނގަޅޭ ބުނާކަށްނޫން މިއުޅެނީ، އޭނާއަކީ އެހާ އަންހެނުންނަށް ވަރު ހުންނަ މީހަކު ނަމަ ކައިވެންޏެއް ނުކުރާނެހެން މަށަށް ހީވަނީ، އެކަމަކު ރޭޝްމާއާ އޭނާ ކައިވެނި ކުރީ އަސްލު ރޭޝްމާއަށް އެހިތުގައި ޚާއްޞަކަމެއް ދެވިފައި އޮތީމަ، އަނެއްކާ މިއޮތް ކުއްޖާފުޅުދެކެ ވެސް ނާޒިލް ކިހާ ލޯބިން އުޅުނީ” ކުޑައެނދުގައި އޮތް ކުއްޖާއަށް ބަލާލަމުން ޒުބޭދާ ބުނެލިއެވެ. ރޭޝްމާގެ ނަޒަރު ވެސް އެވަގުތު ހުއްޓުނީ ކުޑައެނދަށެވެ. ސާރާ އާއި ޒުބޭދާގެ ވާހަކަ އަޑުއަހަން އެނދުގެ ކޮޅުގައި އިށީނދެލައިގެން އިނދެފައި އޭނާ ތެދުވެގެން އައިސް ކުޑައެނދުގެ ކައިރީ ހުއްޓިލިއެވެ.

މައުސޫމުކަމާއެކު ނިދިފައި އޮތް ދެ އަހަރުގެ އަންހެންކުއްޖާއަށް ރޭޝްމާ ބަލަން ހުރިއިރު އޭނާގެ ތުންފަތުގައި ވަނީ މައިންވަންތަކަމުން ފުރިގެންވި ލުއި ހިނިތުންވުމެކެވެ. ބުއްފުޅި ބޯލާހެން އިރުއިރުކޮޅާ ތުންބޯލައެވެ. ކަންފަތްކައިރިން އިސްތަށިކޮޅެއްގައި ހިފާލައިގެން އަރާމު ނިންޖަކުން ނިދާފައި އޮތް ދަރިފުޅަށް ރޭޝްމާ ބަލަން ހުރީ އުންމީދުން ފުރިގެންވި ބެލުމަކުންނެވެ.

“ޒޫރިންނަކީ ހަމައެކަނި ރޭޝްމާގެ ދަރިއެއް، ނަސީބެއްކަންނޭނގެ އެކަން އެގޮތަށް ވީކަން ވެސް، އެހެންނޫންނަމަ ނާޒިލު ހިތާވެގެން އުޅޭ އަންހެނާ ބުނެގެން މި ކުއްޖާ އަތުލަން ވެސް އޭނާ ފަހަކަށް ނުދާނެ”

“އޭނާ ބޭނުންކޮންމެކަމެއް ކުރެވުނަސް، މި ކުއްޖާއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް، މީ ހަމައެކަނި އަހަރެންގެ ޒޫރިން، އަހަރެންގެ ހަމައެކަނި ދަރިފުޅު، ނާޒިލް ކީއްކުރަން އެހެން އެއްވެސް މީހަކު ނާންނާނެ މިކުއްޖާއާ ދިމާ ކުރެވޭނޭވަރު، އެކަހަލަ އެއްވެސް ކަމެއްގެ ހިޔަނި މިކުއްޖާފުޅަށް އެޅުނަކަ އަހަރެން ނުދޭނަން…. ޒޫރިން ބޮޑުވާނީ ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެން ކަމަށްވިޔަސް އޭނާއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން، އަހަރެންގެ ޒޫރިން ބޮޑުވީމަ ހުރިހާކަމެއް ވެސް ވިސްނޭނެކަން އަހަންނަށް އެނގޭ…”

* * * *

“މަންމާ! މަންމާ! އަޅުގަނޑޭ މީ، ރީން…” އެތައް އަހަރެއް ކުރީގެ ޚިޔާލުތަކަށް ގެއްލިފައި އޮތް ރޭޝްމާއަށް ސިހިފައި ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. ހަމައެއާއެކު ކައްޓެއްހެން ތެދުވެ ހަލުވިކޮށް އައިސް ދޮރުހުޅުވާލިއެވެ. އެހިނދު މޫނުމަތީން ހިމަދިގުކޮށް އޮތް ސިޓީއުރައެއް ހުރަސްވެލިއެވެ.

“ޒޫރިން، ކޮންއިރަކު ދަރިފުޅު އައީ، ސިޓީ ނެގީތަ؟ ބަލައިފިންތަ؟ ކީކޭތަ އޮތީ…” މޫނުމައްޗަށް ހުރަސްވި ސިޓީއުރައިގައި ހިފަމުން ރޭޝްމާ ވާހަކަދައްކަން ފެށިއެވެ.

“ހިނގާ ބަލަމާ، މަންމައާއެކު ބަލަންވެގެން ސިޓީ ހަވާލު ކުރާއިރަށް ހިފައިގެން ގެއަށް މިއައީ، އެކަމަކު ޖަވާބު އޮންނާނީ ކިހިނެއްކަން އަޅުގަނޑަށް އެނގޭ… ހުރިހާ ވެސް މައްސަލައަކީ އެ ރިސެޕްޝަންގައި އިން ކުއްޖާ… އޭނާ ހުރިހާ ސަޕްރައިޒެއް ފެއިލްކޮށްލީ” ތުންކޮޅު އޫކޮށްލަމުން ޒޫރިން ބުނެލިއެވެ.

“އާދެބަލަ މަންމައާއެކު، އެކުއްޖާ ކީކޭތަ ބުނީ؟ ކޮބާތަ އެކުގައި ދިޔަ ކުދިން، ގެއަކަށް ނުވައްދަންތަ؟” ޒޫރިންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ރޭޝްމާ އެނބުރިވަނެވެ.

“ކޮންރެޖުލޭޝަންއޭ ބުނީ، އެހެންބުނީމަ ދެން އެނގޭނެއެއްނު…. ސިޓީ ބަލާ ދާ ހުރިހާ ކުދިންނަކަށް ކޮންގްރާއެއް ނުކިޔާނެއެއްނު ރަނގަޅު ޖަވާބެއް ސިޓީއުރައިގައި ނެތިއްޔާ، ނޫންތަ މަންމާ”

“އެކުއްޖާ އެހެން ބުންޏަސް ޖަވާބުގައި އޮތްއެއްޗެއް އަދި ރީންއަކަށް ނޭނގެއެއްނު، އެހެންވީމަ ދަރިފުޅު ބޭނުންވި ގޮތަކަށްނު މިކަން މިވީ، ލިބުނު ޖަވާބު މި ބެލެނީ ހަމަ މަންމައާއެކުއެއްނު” ރޭޝްމާ ހީނލާފައި ސިޓީއުރަ ހުޅުވާލަމުން އޭގައި އޮތް ކަރުދާހުގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ. އަދި ލޯބިން ކައިރީގައި އިން ދަރިފުޅު ގެނެސް ގާތްކޮށްލުމާއެކު ނިތްކުރީގައި ބޮސްދިނެވެ.

“ދެން އެކަމަކު ބޭރަށް ދާހިތެއްނުވޭ” ބޮޑާހާކާލާ ގޮތަކަށް ރޭޝްމާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ޒޫރިން ބުނެލިއެވެ.

“އެއީ ކީއްވެ؟ މަންމަ ކިހާ އުފާވާނެ ރީން ބޭރުން ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން އައީމަ؟”

“އޭރުން ދެން މަންމަ ބަލާނީ ކާކު؟ މަންމަ ކިހިނެއް އެކަނި މިގޭގައި އުޅޭނީ… ބަލިވިޔަސް މަންމައަށް ހެލްޕެއް ވާނޭ މީހަކު ނުހުންނާނެ، އަޅުގަނޑު ބުނެފިން ގެންގުޅޭ މީހަކު ގެންނަން ހިނގާށޭ… އެކަމަކުއެ ޚިޔާލު ވެސް މަންމައަށް ކަމަކު ނުދޭ، މަންމަ ބޭނުންވަނީ ހުރިހާ ކަމެއް އެކަނި ކުރަން”

“ނޫނޭ، ތީ އަދި ރަނގަޅު ވިސްނުމެއްނޫން، މަންމައަށް ވެސް އެހީތެރިވެދޭން މީހުން ތިބޭނެއެއްނު… ދަރިފުޅު އެވަރަށް ނުވިސްނަބަލަ، މަންމައަށް ރީންކޮށްދޭންވީހާ ވެސް ކަމަކީ ކިޔަވައި މޮޅުކުއްޖަކަށްވުން”

“ކީއްވެތަ މަންމަ އަޅުގަނޑު ބޭރަށް ކިޔަވަން ފޮނުވަން ތިއުޅެނީ، މިކޮޅުގައި ހުރެ ވެސް ކިޔެވޭނެއެއްނު”

“ރީން، ދަރިފުޅުގެ އުމުރުން މިވީ އަށާރަ އަހަރުތެރޭގައި މަންމަ އެއްފަހަރު ވެސް އުޅުނިންތަ ރާއްޖޭންބޭރަށް ކިޔަވަން ފޮނުވަން، މިފަހަރު އެހާވަރަކުން މި ކިޔަނީ ސްކޮލަރޝިޕް ވެސް ލިބުނީމާ، މި ސިޓީގައި ދަރިފުޅަށް ސްކޮލަރޝިޕް ނުލިބޭކަމަށް އޮތްނަމަ ކުރިން ވެސް މަންމަ ބުނިހެން ދަރިފުޅު މާލޭގައި ހުރެގެން ކިޔެވިޔަސް މަންމަ މައްސަލައެއް ނުޖައްސާނަން”

“މިގެއަށް އަންނަ މަންމަގެ ފުރެންޑުންތަ އެހީވާނެތީ ދޯ މަންމަ ހާސްނުވަނީ، އެމީހުން އަންނަންޏާ މަންމަ ފޫއްސެއް ވެސް ނުވާނެ… އެކަމަކު އަޅުގަނޑު ކިހާ މިސްވާނެ މަންމަމަތިން… މަންމަ އަޅުގަނޑު ކިޔަވާ ނިމެންދެން އެކޮޅުގައި މަޑުކުރާގޮތަށް ހިނގާ ދަމާ، ގޮއްސަ މަންމަ ވެސް ކާއެއްޗެހި ހާދަ ކޯހެއް ހަދާނީ” ޒޫރިން ރާވާލީ ވަރަށް މޮޅަށެވެ. އެއްގޮތަކަށް ވެސް ރޭޝްމާއާ ނުލާ ދުރުގައި ހުންނާކަށް އޭނާ ބޭނުންނުވާ ކަހަލައެވެ.

“ރީން، މަންމަގެ ހުރިހާ ވެސް މީހަކީ ތީ، މަންމަ ހަނދާންކުރަން ބޭނުންވާނެ އެއްވެސް މީހަކު ނުހުންނާނެ ދަރިފުޅު ނޫނީ، މިހާރު ރީން ތިހިރީ ބޮޑުވެފައި، އަބަދު މަންމަ ފަހަތުލައިގެން އުޅެންޏާ ކިހިނެއް މީހަކާ އިނދެގެން ދަރިފުޅު އުޅޭނީ”

“އެއްކަލަ މަންމަ… މީހަކާ އިންނަ ވާހަކަ ނުދައްކަބަލަ… އަޅުގަނޑު އަދި މީހަކާ އިންނަ ވަރެއް ނުވެޔޭ” ޒޫރިންގެ މޫނަށް ޖައްސާލި ވައްތަރު ފެނިފައި ރޭޝްމާ ހޭންފެށިއެވެ.

ފުރާވަރަށް ޒޫރިން އެރީސުރެން ފެށިގެން ރޭޝްމާ ދޭތެރެއަކުން ދަރިފުޅާ ދިމާކޮށްލުމުގެ ގޮތުން މީހަކާ އިންނަ ވާހަކަ ބުނެލާނެއެވެ. ހަމަ އެހެން ބުނުމާއެކު ޒޫރިން ލަދުން ގޮސް މަރުވާވަރުވެއެވެ. އަދިވެސް އޭނާ އުޅެނީ ހަމަ އެހެންނެވެ. އެ ލަދުވެތިކަމުގައެވެ. ރޭޝްމާ ހީކުރަނީ މިހާރުގެ ކުދިން މާ އަވަހަށް ބޮޑުވެގެން އުޅޭނޭކަމަށެވެ. އެހެންނަމަވެސް ޒޫރިންގެ އެގޮތެއް ނުހުރެއެވެ. އެކަމަކު އޭނާގެ ކޮޓަރީގައި ވެސް ރީތި ޒުވާނުންގެ ފޮޓޯ ހަރުކޮށްފައި ހުންނަލެއް މަދެއްނޫނެވެ. އެއީ ކޮންބައެއްތޯ ރޭޝްމާ އަހާލައިފިނަމަ ޒޫރިން ދިގު ފަތިވަރެއް ދަމާލާނެވެ. ކޮންވެސް އިނގިރޭސި ފިލްމެއްގައި އުޅޭ ބަތަލާއެއްގެ ވާހަކައަކުންނެވެ. ނޫނީ ލަވަކިޔާ ބޭންޑެއްގައި އުޅޭ މެންބަރެއްގެ ވާހަކައެވެ. ނޫނީ މާމޮޅަށް ގިޓާކުޅޭ ޒުވާނެއްގެ ނަމުންނެވެ. އެކަނިމާ އެކަނި ހުރެ ބޮޑުވަމުން އައި ކުއްޖަކަށް ޒޫރިން ވީތީ އޭނާގެ އެންމެ ގާތް އެކުވެރިންނަށްވީ އޭނާ ކިޔަން ގެންގުޅޭ ވާހަކަފޮތްތަކާއި ޓީވީ އާއި މިއުޒެކެވެ. ފޫހިކަމެއްނެތި އޭނާ ގޭގައި އުޅެއެވެ. ބައިވަރު ރައްޓެހިންތަކެއް އޭނާއަކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އޭނާއަކީ މީހުންނާ ގުޅޭ ކުއްޖެކެވެ. ހިތްހެޔޮކަމާ އޯގާތެރިކަމުގެ ސިފަ ލިބިގެންވާ ކުއްޖެކެވެ. ރޭޝްމާގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ޒޫރިންނާއެވެ.

“މަންމަ މިހާރު ހޭން އިނަސް އަޅުގަނޑު ދިޔައީމަ ދެރަވާނެކަން އެނގޭ” ތެދުވެގެން ދަމުން ޒޫރިން ބުނެލިއެވެ. ދެން ވެސް ރޭޝްމާއަށް ހިނިތުންވެލައިގެން އިނދެވުނީއެވެ.

* * * *

ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ ދޮރުޖަހާލިލެއް ބާރުކަމުން ފާރު ވެސް ގުޑައިގެން ދިޔަ ކަހަލައެވެ. ސުފިޔާންގެ ރުޅި ހައްތަހާވީ ގަދައެވެ. ހަރުކޮށް ހިނގާލާފައި އީތަންގެ ކޮޓަރިއާ ދިމާއަށް އަންނަނިކޮށް އޭނާގެ އަތުގައި ކުއްލިއަކަށް ހިފިތަން ފެނުނީ ރާބިއާއެވެ.

“އެ ދިޔައީނު، އޭނަތަ އަދި ރުޅި އަންނަންވީ، މަންމަގެ ކަންތަކޭމީ، އަދިވެސް އޭނާ ޅަކޮށްގެން ގެންގުޅޭ…” ސުފިޔާނު ބުނެލިއެވެ.

“ދަރިފުޅު ނިކަން ހަމަޖެހިބަލަ، ކީވެތަ އަބަދު އީތަންއާ ދިމާއަށް އެއްޗެހި ކިޔަނީ، އޭނާއާ ލޯބިން ވާހަކަދައްކަނިކޮށް އަޑުއަހާނެއޭ… ސުފިޔާނު ތިހުންނަނީ އެކުއްޖާ ފެންނައިރަށް ވެސް ރުޅި އައިސްފައި…”

“ބުނާ ބަސްޤަބޫލުނުކުރަންޏާ ރުޅި އާދެވޭނެ… ސުކޫލުން ކިޔެވުނު އެއްޗެއް ކިޔެވުނީ، އޭނާ އިތުރަށް ކިޔަވާކަށް ބޭނުމެއްނޫން، ވާޒީފާއަކަށް ދާކަށް ވެސް ބޭނުމެއްނޫން، އެހެން ރައްޓެހިންނާ އެއްކޮށް މަޖާ ނެގުމުގައި ދުވަސް ނިންމާލަނީ… އޭނާ އެންމެ ހަގުވީމާ މިގޭ އެންމެން މާބޮޑަށް ލޯބިވަނީ، ލޯބިން ގޮސް މިހާރު އީތަން އެހުރީ ހަލާކުވެފައި… އޭނާ ބޭނުންވަނީ އަތުންފައިން މަސައްކަތެއް ނުކޮށް އަރާމުގަ އުޅެން…”

“ދަރިފުޅު ރުޅި މަޑުކޮށްފައި ހިނގާބަލަ މަންމައާއެކު، ކޮބާތަ ހަމްރާ، ކުޑަކޮށް ބަލިވެ އުޅޭ ވާހަކަ ހެނދުނު ވެސް ދެއްކި” ރާބިއާގެ ވާހަކަތަކުން ސުފިޔާން މަޑުމަޑުން ހަމަޖެހުނެވެ.

“އާން! ހަމްރާގެ ކަށީގެ މައްސަލަ ގޯސްވަނީހެން ހީވަނީ، ވަރަށް ތަދުވާތީ މިހާރު އުޅެނީ… މި ވިސްނަނީ އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން ފުރަންކަމަށް” މާޔޫސްވެފައި ހުރި ގޮތަކަށް ސުފިޔާން ބުނެލިއެވެ. ރާބިއާގެ ބޭނުމަކަށް އެވަގުތުވީ ސުފިޔާނުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުން ކަން ޔަޤީނެވެ. އޭނާއަށް އެކަން ވެއްޖެއެވެ.

ބަދިގެއަށް ވަދެގެން އައިސް ކާމޭޒު ދޮށުގައި ސުފިޔާން އިށީނެވެ. އޭނާއަށް ފިނި ފެންތަށްޓެއް އަޅައިދީގެން ރާބިއާ ވެސް އައިސް މޭޒު ދޮށުގައި އިށީނެވެ. ހީވީ ސުފިޔާންގެ ރުޅިގަނޑު ފިނިކޮށްލަން ބޭނުންވެގެން ގެނެސްދިން ފެންތަށްޓެއް ހެނެވެ.

“ފިނިވެއްޖެއްޔާ އެކަންތައް މާބޮޑުވޭ ދޯ… ހަމްރާ ވެސް ހުންނަނީ ވަރަށް ދެރަވެފައި، މިއަދު ހެނދުނު އޭނާ ބަދިގޭ މަސައްކަތް ކުރަން އުޅުނު އިރު ވެސް މަންމައަށް އެނގުނު އޭނާ އެއުޅެނީ އަތުގައި ވަރަށް ރިއްސާތީކަން، އެކަމަކު މީހަކު ކައިރީ ކަމަކު ނުބުނާނެ، ސުފިޔާން، މިގެއަށް ބަދިގޭ މަސައްކަތްކުރާނޭ ބިދޭސީއަކު ގެންނަން މަންމައަށް ފެނޭ، ގޭގެ ހުރިހާ ކަމެއް ހަމްރާ އެކަނި ބަލަހައްޓާނީ ކިހިނެއް، ކުޑަގެއެއް ނޫންވިއްޔާ މީ”

“އަޅުގަނޑު ވެސް ތިކަމާ އެބަ ވިސްނަން، އެކަމަކު ހަމްރާ ގޮވައިގެން ބޭރަށް ގޮސްފައި އައިސް ތިކަމާ އުޅެން ގަސްދުކޮށްގެން މިހިރީ، އައިދަންނާ ވެސް އަޅުގަނޑު ތިކަމާ މަޝްވަރާކޮށްފިން، އެކުއްޖާ ތިކަމާ އުޅޭނެކަމުގައި ވެސް ބުނި…، މަންމާ، އީތަންއަށް ކީއްވެތަ ނުވިސްނެނީ، އޭނާގެ ދޮށްޓަށް އެތިބަ އައިދަންނާއި އައިނީ ވެސް އެ ތިބީ ރަނގަޅު މީހުންނަށް ވެފައި، އެކަމަކު އެކުއްޖާ ކީއްވެތަ އެހެން އެ އުޅެނީ….”

“އީތަން ވެސް އަދި ރަނގަޅު ވާނެއޭ، އެކި ކުދިންގެ މިޒާޖު ވެސް ތަފާތު ވާނެއެއްނު، ހުރިހާ ކުދިންނަކީ މޮޅަށް ކިޔެވިފައި ތިބޭނޭ ކުދިންނެއް ވެސް ނޫން، އެހެންވިޔަސް އީތަންއަކީ އަޙުލާގު ގޯސް ކުއްޖެއްނޫން، ގިނައިން ގޮސް އެ އުޅެނީ ޖަލާލުމެންގޭގައި، އައިދަން ވެސް އެވާހަކަ ބުނި، އެމީހުންނަކީ ގޯސްބައެއް ނޫންކަން ސުފިޔާނަށް އެނގޭނެ، ތިހެން އީތަންއަށް އެއްޗެހި ކިޔަންޏާ އޭނާގެ ވެސް ލަދު ހަޔާތް ކެނޑޭނީ… އެހެން އުޅެފައި ނުބައި މަގަކުން ދާން ޚިޔާރުކޮށްފިއްޔާ ކަންތައް ގޯހުން ގޯހަށް ދާނީ… މަންމަ ވެސް އޭނާއަށް ނަސޭޙަތްދެމޭ… ވަރަށް ފަސޭހައިން ޤަބޫލުކުރާނެ އެކަމަކު ހަނދާނެއްނުހުންނާނެ، އެކުއްޖާއަށް އެ ހުންނަނީ ސުފިޔާނުގެ ރުޅިގަނޑު ލިބިފައި، އެއްވަރުގެ ރުޅިގަދަ ދެމީހުން ޖެހުނީމާ ދެން ކިހިނެއްވާނީ، ދެމީހުންކުރެ އެކަކު ވެސް ގޮތެއްދުލެއް ނުކުރާނެ…” ސުފިޔާނަށް ވިސްނައިދޭ ފަދަ ގޮތަކަށް ރާބިއާ ވާހަކަދެއްކިއެވެ.

“ކޮންކަމަކާތަ މާ އަޑުގަދަކޮށްލައިގެން އުޅުނީ، ކޮޓަރީގައި އޮތްއިރު ވެސް އަޑުއިވުނޭ، މިއަދު ވެސް އީތަންނާ ދެމީހުން ދެބަސްވީ ދޯ” ބަދިގެއަށް ވަދެގެން އައި ހަމްރާ ބުނެލިއެވެ. އެއާއެކު ރާބިއާ ލޮލުން އިޝާރާތްކޮށްލީ ހުއްޓާލުމަށެވެ.

“ހަމްރާ، ސުފިޔާނަށް ސައިހަދަންވީނު…” ރާބިއާ ތެދުވަމުން ބުނެލިއެވެ.

ސުފިޔާނަށް ސައިހަދަން ހަމްރާ އުޅެން ފެށުމުން ރާބިއާ ބަދިގެއިން ނިކުމެގެން އައިސް އީތަންގެ ކޮޓަރީގައި ޓަކިދިނެވެ. ދެތިން ފަހަރު ޓަކި ދިނުމުން ވެސް ކޮޓަރިތެރެއިން އަޑެއްބަޑެއް ނީވުނެވެ. އެހެންވެ ރާބިއާ، އީތަންގެ ނަމުން ގޮވާލިއެވެ. ދެވަނަ ފަހަރަށް ގޮވާލަން ވާއިރަށް ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފައި އީތަން އެތެރެއަށް ހިނގައިގަތެވެ.

“އަދިވެސް ރުޅިއައިސްފައިތަ؟” ކޮޓަރިތެރެއަށް ވަންނަމުން ރާބިއާ އަހާލިއެވެ. އީތަން އަނގައިން ނުބުނެ ބާލީހުގައި ބައްދާލައިގެން ބަންޑުން އޮށޯވެ އޮތެވެ.

“ދަރިފުޅާއޭ، މާމަ މި ވާހަކަދައްކަނީ” ރާބިއާ އައިސް އީތަންގެ މަގަތުން އެނދުގައި އީށީނެވެ. އަދި ފަށުވިކޮޅެއްހެން ނިތްމައްޗަށް ވެރިފައި ހުރި ފަން އިސްތަށިކޮޅުތަކާ ކުޅެލާފައި ބޮލުގައި ފިރުމާލިއެވެ.

“ބައްޕައަށް ނޯންނާނެ ރަނގަޅު އެއްގޮތް ވެސް، އަޅުގަނޑު ގޯސްކޮށް އެބައުޅެންތަ؟ ކޮންމެ ދުވަހަކު ޖޮބެއް ހޯދާށޭ ނުކިޔަސް އަޅުގަނޑު ޖޮބަކަށް ދާންވީމާ ދާނަންވިއްޔާ… އެހެންނޫނަސް މިއީ ބައްޕަގެ ވެސް ގެއެއްނޫން، ނޫންތަ މާމާ… މީ ކާފަ އާއި މާމަގެ ގެއެއްނު، ކާފަ ކުރި ވިޔަފާރި ބައްޕަ ވެސް އެކުރަނީ، ބައްޕަ އަމިއްލައަށް ފަށައިގެން އުޅޭ ވިޔަފާރިއެއްނޫން އެއީކީ… ކާފަ އަޅުގަނޑުމެންނާ ވަކިވިއިރު އަޅުގަނޑުމެން ތަނަވަސްކަންމަތީ އުޅޭނޭހާ ފައިސާ ހުރީ އެއްކޮށްދެއްވާފައި…” ޝަކުވާގެ ރާގަކަށް އީތަން ކިޔާލިއެވެ.

“އީތަން، ކާފަގެ ވިޔަފާރި ކުރިއަށް ގެންދަން ބައްޕަ ކިހާ މަސައްކަތެއްކުރޭ، ނުކުރާނަމަ މި ތަނަވަސްކަން އަބަދަށް ދެމިއެއް ނޯތީސް، ބައްޕަ އެދައްކަނީ މުޅިއަކުން ގޯސް ވާހަކައެއްނޫން، ދަރިފުޅަކީ މިހާރު ޒުވާނެއް… ރަނގަޅުގޮތާއި ނުބައިގޮތް ވިސްނޭނެ، ޒުވާން އުމުރު ޒިންމާދާރުވާން ދަސްކުރީމަ އުމުރުގެ ފަހުކޮޅު އެ ފަދަ ދިރިއުޅުމެއް އުޅެން އާދަވާނީ… ދަރިފުޅުގެ ކާފަ ދުނިޔޭގައި ހުރިނަމަ ނޭނގެ ވާނޭގޮތެއް ވެސް، ބައްޕައެއްނޫން އޭރުން އެއްޗެހި ކިޔާނީ… ދެން ބުނެބަލަ، މެންދުރުވާން އުޅެނިކޮށް ދިޔަމީހާ ތީ… އެއްޗެއް ކައިގެން ބޮއެގެންތަ ތި ހުރީ”

“ޖަލާލްބެ އަޅުގަނޑަށް ކާންގޮވާނެއެއްނު، އަނެއްކާ ޖޭޒް ވެސް ހުންނާނެއެއްނު، ޖޭޒް މަންމަ ވަރަށް ރަނގަޅޭ”

“މާމަ ބުނާނެ ވާހަކައެއްނެތް އަބަދާ އަބަދު އެގޭގައި އުޅޭއިރު ޖޭޒްއާ ދެ ކުދިން މޮޔަކަމެއް ނުކުރައްޗޭ، ޒުވާންވެފައި ތިބި ދެ ކުދިންތީ، އެހާ ގިނައިރު އެއްކޮށް ވަގުތު ހޭދަކުރާކަށް ނުވާނެ”

“މާމާ…. ތިކަހަލަ ވާހަކަ ނުދައްކަވާ…”

“ބައްޕައަށް ތިކަން އެނގޭހެން މާމައަށް ހީވަނީ، އެހެންވެ ކަންނޭނގެ އެހާ ހިތްހަމަ ނުޖެހިގެން އެއުޅެނީ”

“އެކަމަކު ޖޭޒްއަކީ ކިޔަވައިގެން ހުރި ރަނގަޅުކުއްޖެއްނު، މާމައަށް އެނގެއެއްނު ޖަލާލްބެގެ ކޮއްކޮކަން އެއީ، ދެން ކީއްވެ ބައްޕަ ހިތްހަމަނުޖެހެންވީ”

“އީތަން އާއި ޖަޒްލާއާ ދެ ކުދިން ތިހެން އުޅޭތީވެ، އިންނަން ބޭނުންވަންޏާ އަވަހަށް އިނުން ދޯ ރަނގަޅުވާނީ، ޖަޒްލާ ވެސް އުޅެނީ ވަޒީއަކު ނޫން، އީތަން ވެސް ތިހިރީ އުޅޭގޮތް… އެހެންވީމަ ބައްޕައަށް ހިތްހަމަ ވެސް ނުޖެހެވޭނެ ދޯ، އެހެންވެ ބައްޕަ އެކިޔަނީ ދަރިފުޅު ވެސް ވަޒީފާއަކަށް ދާން އުޅޭށޭ…” ރާބިއާ، އީތަންގެ ބުރަކަށީގައި ފިރުމާލިއެވެ.

“މާމަ އުފާވާނެތަ އަޅުގަނޑު ޖޮބަކަށް ދާން ފަށައިފިއްޔާ” ލުއި ހިނިތުންވުމަކާއެކު އީތަން އުއްޑުން އެނބުރިލަމުން ރާބިއާގެ އުނގުގައި ބޯއަޅާލިއެވެ. އެއާއެކު ރާބިއްޔާ އޯގާތެރިކަމުން ފުރިގެންވީ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ބަސް އީތަން އަހާނޭކަމުގެ ޔަޤީންއަށް ރާބިއާއަށް އޮންނަ ކަހަލައެވެ.

“މާމައަށް ވުރެ ބައްޕަ އުފާވާނީ ތިކަމާ”

“މާމަ އާއި މަންމަ އުފާވަންޏާ ދާނީ، އެހެންނޫނީ ނޫޅެން ދާކަށް” އީތަންގެ އަދިވެސް ހީވަނީ ޅަގޮތް ހުންނަ ހެނެވެ.

“މާމަގެ އީތަން ވަޒީފާއަށް ނިކުންނަ ދުވަހުން މާމަ ވަރަށް އުފާވާނެ، ހަމްރާއަށް ނޭނގެ ތިވާހަކަ އަޑުއިވިއްޖެއްޔާ މިރޭ ނިދޭނެކަމެއް ވެސް” ރާބިއާ މިހެން ބުނެ ހޭންފެށުމާއެކު އީތަން ވެސް ހޭންފެށިއެވެ.

* * * *

ހެމުން ހެމުން ކާމޭޒު ގޮނޑީގައި ދެފައިވަށްކޮށްލައިގެން އިނދެ ޒޫރިން ވާހަކަދެއްކިއެވެ. އޭރު ރޭޝްމާ ކޯކު ތަށްޓެއް ގެނެސް ދަރިފުޅުގެ ކައިރީ ބަހައްޓަނީއެވެ.

“އައި ކާންޓް ބިލީވް ދިސް މަންމާ، މިރޭ ސަބްމެރިން ކާން ލިބޭނެކަމަކަށް ހިޔެއްނުކުރަން”

“ރީން ހޯދި ކާމިޔާބަށް މި ސަބްމެރީން ވެސް މާ ކުޑަ، އަދި މަޑުކުރޭ ބޮޑު ހަދިޔާއެއް އޮންނާނެ، އެކަމަކު ދަރިފުޅު ފުރަން ކައިރިކޮށްފާ ލިބޭނީ”

“އަޅެ ނޫން… ދެން މިހާރު ބުނެބަލަ މަންމާ، ޓޫވީކްސް ފަހުން އެކޮޅުގައި ރެޖިސްޓަރވާން ޖެހެނީ، އެއީ ހާދަ ދުވަހެކޭ”

“މީ ހާދަ ކެތްމަދު ދަރިއެކޭ… ނާޒިލްބެ އަންނައިރު ގެންނާނެ”

“އެކަމަކު ނާޒިލްބެ ވީ މެލޭގައެއްނު، އަޅުގަނޑު ފުރަންވާއިރަށް އަންނާނެތަ”

“އެހެންވެއެއްނު މަންމަ މިބުނީ މަޑުކުރާށޭ، ދަރިފުޅު ފުރަންވާއިރަށް ލިބޭނެ…. މަންމަ ހަވީރު ގުޅީމޭ ނާޒިލްބެއަށް، ބުނި ޔަޤީނޯ ކޮއްކޮ ފުރަންވާއިރަށް ހުންނާނީ މާލޭގައިކަން” ފަޅިކޮށްލާފައި އޮތް ސަބްމެރީން ތަށްޓަކަށް ލައިގެން ގެނެސް ޒޫރިންގެ ކުރިމަތީ ރޭޝްމާ ބެހެއްޓިއެވެ.

“ޔޫ އަރ ދަ ބެސްޓު މާމް އިން ދިސް ހޯލް ވޯލްޑް….” ގޮނޑި ކައިރީ ހުރި ރޭޝްމާގެ އުނަގަނޑުގައި ދެއަތްވަށާލަމުން ޒޫރިން ބުނެލިއެވެ.

ޒޫރިން ކައިނިމުމުން އޭނާ ކެއި ތަށިތައް ނަގާފައި ބަދިގެފަރާތުގައި ދެން ވެސް ކުރަން ހުރި ކަންކަން ރޭޝްމާ ކޮށްލިއެވެ. އޭނާގެ މަސައްކަތްތައް ނިންމާލާފައި ކޮޓަރިއަށް ދިއުމުގެ ކުރިން އައީ ޒޫރިންގެ ކޮޓަރިއަށެވެ. އޭރު ވާހަކަފޮތެއް ހިފައިގެން އެނދުމަތީ ބަންޑުން ޒޫރިން އޮތެވެ.

“ރީން، ކޮބާ ދަރިފުޅުގެ އައިނު” ރޭޝްމާއަށް ޒޫރިން ފެނުމާއެކު އަހާލިއެވެ.

“ސޮރީ މަންމާ، ހަނދާންނެތުނީ…” ޒޫރިން އަވަސް އަވަހަށް ކޮޓަރީގައި ހުރި ލިޔާމޭޒުމަތީން އައިނު ނަގައިގެން އައިސް އެނދަށް ވެއްޓިގަތެވެ.

“މަންމަ މިދަނީ ފެންވަރާލާ ހަދާލަން، މިރޭ މަންމަގެ ރައްޓެއްސެއް އަންނާނެ، ދަރިފުޅު ދެން ނުނިކުންނައްޗޭ ބޭރަށް، ނިދާލޭވޭތޯ ބަލާ އިނގޭ، އިރުކޮޅަކުން ފެންފުޅިއެއް ކޮޓަރިއަށް ގެނެސްދީފައި ބަހައްޓާނަން” ރޭޝްމާ އައިސް ޒޫރިންގެ ގައިމަތިން ފޮތިގަނޑު އަޅާލަ ދެމުން ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

“މަންމާ، އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ޒޫރިން ޖެހިލުންވެފައި ކަހަލަ ގޮތަކަށް އޮވެ ބުނެލިއެވެ. އެއާއެކު ރޭޝްމާ “ހޫން!” ލައްވާލި އެވެ.

“ކީއްވެތަ މަންމަގެ ބައެއް ފްރެންޑްސްއާ އަޅުގަނޑު ވާހަކަދައްކައިގެން ނުވަނީ، އަޅުގަނޑަށް ނުވެސް ފެނޭ އެމީހުން” ޒޫރިން އެ ސުވާލުކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ރޭޝްމާ ނުރުހޭ ސުވާލަކަށް އެ ސުވާލު ވެދާނޭތީވެ ކުރަން ނުކެރެނީއެވެ.

“މިގެއަށް މަންމަ ހޯދަން އަންނަ ހުރިހާ ރައްޓެހިންނާ މެދު މަންމަ އެހާ ހިތްހަމައެއް ނުޖެހޭ، އެކަމަކު އެމީހުންނާ ކުއްލިއަކަށް ގުޅުން ކަނޑައެއް ވެސް ނުލެވޭނެ، އެހެން ދެން މަދުމަދުން އައީމަ މަޖާކޮށްލާ ފޮނިއަނގަތަޅާލަން އެމީހުން އޯކޭ… މަންމަ ބޭނުމެއްނޫން އެކަހަލަ މީހުންގެ ކުރިމައްޗަށް ރީން ނިކުމެ އުޅޭކަށް، އެމީހުން އެހާ ރަނގަޅެއްނުވާނެ، ރީންއަށް ހުރިހާކަމެއް ވިސްނޭވަރަށްވުރެ އަދި މާކުޑަ….އެހެންވީމަ މަންމަ މިދައްކާ ވާހަކަ ރީންއަށް އަދި ނޭނގޭނެ”

“އަޅުގަނޑު އެހާ ކުޑަތަ؟ އެއިޓީން ޔިއަރސް ފުރެން މިހާރު މިއުޅެނީ…”

“ދެން މަންމަގެ ބަސްއަހާލައިގެން ރީތިކޮށް ނިދޭތޯ އުޅޭ، މާދަމާ ޝޮޕިންނަށް ވެސް ނިކުންނަން ޖެހޭނެއެއްނު” ރޭޝްމާ ހިނިތުންވެލާފައި ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. އަދި ދެވަނަ ސުވާލެއް ޒޫރިން ނުކުރަނިސް ހަލުވިކޮށް އެކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.

އިނގިރޭސި ވާހަކަފޮތުގެ ތެރެއަށް ގެއްލިފައި ޒޫރިން އޮތެވެ. އޭނާއަށް ގަޑިން ވީއިރެއް ވެސް ނޭނގެއެވެ. އެހެންއޮއްވާ ފެނުނީ ރޭޝްމާ އައިސް އެ ކޮޓަރިއަށް ވަންތަނެވެ. ލާފައި ހުރި ގަމީސްކޮޅާއި ފަޔަށް ހިފާފައި ހުރި ޖީންސުގައި ރޭޝްމާ ވަރަށް ޒުވާނެވެ. އޭނާގެ ޒޫރިން ވަރުގެ ދަރިއަކު ހުންނާނެއެކޭ އެކަކު ވެސް ޤަބޫލެއް ނުކުރާނެއެވެ. ރީތި އަންހެނުންގެ ތެރޭގައި ހިމެނޭނެ އަންހެނަކަށް ރޭޝްމާ ވާނެއެވެ. ލިބިފައިވާ ދޮންކަމުގެތެރއިން އޭނާގެ ތުންފަތުގައި ޖައްސާލާފައި ހުރި ރަތްކުލައިގެ ލިފްސް ސްޓިކު ނުހަނު ގުޅެއެވެ. ދިގުއެސްފިޔަތަކުގެ ކަޅުކަން ގަދަވެފައި ކުރިއަށްވުރެ ވެސް ދިގުކަމަށް ދައްކައެވެ. ޒޫރިންނަށް ވެސް އޭނާގެ މަންމަގެ ރީތިކަމަށް ތަޢުރީފުކޮށްލެވުނެވެ.

“ވާއު! ޔޫ ލުކް ސޯ ޕްރިޓީ…” އެނދުގެ އަރިމަތީ ހުރި ކަބަޑުގެ މަތީ ރޭޝްމާ ފެންފުޅި ބަހައްޓާލުމާއެކު ޒޫރިން ބުނެލިއެވެ.

“ބަސްއަހައިގެން ދެން ނިދާ، މަންމަ އަންނަންވާއިރަށް އޮންނަންވާނީ ނިދާފައި، އެހާ ގިނައިރު ފޮތްކިޔަން އޮތީމަ ހެނދުނު ތެދުވާއިރު ހުންނާނީ ބޮލުގައި ރިއްސާފައި، ރީންގެ ލޮލަށް ރެސްޓު ދޭންވާނެ، ހަނދާންކޮށް ނިދަމުން ކޮޓަރީގެ ލައިޓު ނިއްވާލާތި އިނގޭ، ކޮޓަރި ތަޅުލާފައި މިދަނީ” ރޭޝްމާ މިހެން ބުނުމުން ޒޫރިން ބޯޖަހާލިއެވެ. އަދި ރޭޝްމާ ނިކުމެގެން ދަންދެން ހިނި އައިސްފައި އެ ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

ސިޑިން ފައިބައިގެން ދަމުން ރޭޝްމާ ފޯނަށް ބަލާލިއެވެ. އޭނާ ފޯނުކޯލަކަށް އިންތިޒާރު ކުރާ ކަހަލައެވެ. ސިޓިން ރޫމުގައި ހުރި ސޯފާގައި އައިސް އިށީނުމަށް އުޅެފައި ރޭޝްމާ ކުއްލިއަކަށް ހިނގައިގަތީ އެތަނުގައި ހުރި ކޮޓަރިއަކާ ދިމާއަށެވެ. އޭނާ އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮޓަރީގެ ސުވިޗު ޖައްސާލިއެވެ. އެއާއެކު މުޅިތަނަށް މަޑު ރީނދޫއައްޔެއް ފެތުރިގެން ދިޔައެވެ. ދެތިން ދިމާލެއްގައި އުއްބަތިތައް ބަހައްޓާފައި ހުއްޓެވެ. ރޭޝްމާ އަވަސް އަވަހަށް އައިސް އެ އުއްބަތިތައް ރޯކުރަން ފެށިއެވެ. އަދި އެނދުގެ ތަންމަތި ރަނގަޅުކޮށްލުމާއެކު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. މީގެ ކުރިން އެކޮޓަރިއަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެތަން ނިދާ ކޮޓަރިއަށް ހެދީ ރޭޝްމާއެވެ. ވަކި ޚާއްޞަ ބޭނުމެއްގައެވެ. އޭނާގެ އެއްވެސް ކަމަކަށް ފާޑުކިޔާނެ މީހަކު މިހާރު ނެތެވެ. އެހެންނަމަވެސް ޒޫރިންގެ ސުވާލުތަކަށް އޭނާ ޖަވާބުދޭން ޖެހެއެވެ. ކުޑައިރުއްސުރެ ވަކި ގޮތަކަށް އެ ދަރިފުޅު ހާނަން ޖެހުނީ އެހެންވެއެވެ.

ފޯނަށް މެސެޖެއް އައި އަޑުއިވުމާއެކު ރޭޝްމާ އަވަސް އަވަހަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އެހެންނަމަވެސް އޭނާ ލައިގެން ހުރި ދޫގަމީސްކޮޅަށް ދަމާލަމުން ރީތިކޮށްލިއެވެ. އަދި އިސްތަށިގަނޑު ގެނެސް އެއްފަރާތަށް ވައްޓާލަމުން ކޮޓަރިން ނިކުމެގެން އައިސް ގޭގެ ދޮރޯށި ހުޅުވިއެވެ. އޭރު ނިކަން ބޮޑަށް ހިނިތުންވެލައިގެން ހުރި އިސްކޮޅުން ކުރު ހަރު ފިރިހެނަކު ވަނެވެ. ކުރުކޮށްކޮށާފައި ހުރި އިސްތަށިގަނޑުގެ ދެފަރާތުން ނުރަ އިސްތަށިތައް ފެންނަން ހުއްޓެވެ. އެމީހަކު ވަންގޮތަށް ރޭޝްމާގެ އުނަގަނޑުގައި ހިފާލައިފިއެވެ. ދޮރޯށި ލައްޕާލުމާއެކު އަނގައިން ވެސް ނުބުނެ ރޭޝްމާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.

“ހާދަ މީރުވަސް ދުވަޔޭ… ހިތަށް އަރާ ކޮންމެ ރެއަކު ވެސް ރޭޝް ކައިރިއަށް އާދެވޭނެނަމައޭ، އެކަމަކު އަދި އެގޮތަށް އެކަން ވާކަށްނެތް، މިރޭ ނެއްތަ ފިނިބުއިމެއް، އަހަރެން ކުރިން ދުވަހު މިގެއަށް ފޮނުވީމެއްނު ހަދިޔާއެއް ވެސް”

“ފަހުދު ފޮނުވި އެއްޗެއް ވިއްޔާ ހުންނާނެތާ، އަންނާނަން ހިފައިގެން، ދެން އަހަރެން އަންނަންވާއިރަށް މުޅިގެ ފާސްކުރާނީއެއްނޫން، ތިތާ ހިމޭނުން އިނދެވޭތޯ ބަލާ” ރޭޝްމާގެ އަޑުގައި ގާތްކަމެއް ނެތަސް އެކަން ފަހުދަށް ބޮޑުކަމަކަށް ނުވެއެވެ. އޭނާ ފެންނަނީ ހިނިއައިސްފައި އިންނަތަނެވެ. ލޮލުން ފެންނަނީ މާނަ ފުން މެސެޖުތަކެއް ރޭޝްމާއާ ބަދަލުކުރާތަނެވެ. އެހެންނަމަވެސް ރޭޝްމާގެ ހަރަކާތްތައް ހުރީ ކޮންމެހެން ކަމެއްކުރަން ޖެހިގެން ކުރާ މީހަކު ހެންނެވެ. އޭނާ ތެދުވެގެން އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.

ސޯފާގައި އެއްފައިމައްޗަށް އަނެއްފައި ލައިގެން އިށީނދެލައިގެން ފަހުދުއިނެވެ. ގިނައިރެއްނުވެ ރޭޝްމާ ޖޫސްތަށްޓެއް ހިފައިގެން އައިސް ފަހުދުގެ ގާތުގައި އިށީނދެ ތަށި ދިއްކޮށްލިއެވެ. އެހިނދު ޖޫސްތަށީގައި ފަހުދު ދެ އަތުން ހިފާލީ ރޭޝްމާގެ އަތާ ވެސް އެކުއެވެ.

“ތި އަތުން ބޯލުމުން މި ޖޫސްތަށީގެ ރަހަ މިހާރު ހުރިވަރަށްވުރެ ވެސް މީރުވާނެކަން އެނގޭ…”

“އެހެންވީރު މަގޭ އަތުން ބޯލަންވީނު، މިރޭ ބޭހެއް ނުކަންތަ؟ އެއާނުލާ ފަހުދަށްވާނެތަ” ރޭޝްމާގެ އަޑުގައި ހުރީ މަލާމާތުގެ ރާގެއްކަމަކު އެކަން ފަހުދަށް ފާހަގަވި ހެނެއް ހިޔެއްނުވެއެވެ.

“ބޭސްކާންވާނެއެއްނު، އޭރުންތާ ރޭޝްއަށް މަމީ ވަރުހުރި ފިރިހެނެއްކަން އަންގާލެވޭނީ…” ފަހުދު މިހެން ބުނެ ހޭންފެށިއެވެ. އަދި ލާފައި ހުރި މާޖެހި ގަމީހުގެ ޖީބުން ނޫކުލައިގެ ބޭސްގުޅައެއް ނަގާ ރޭޝްމާއަށް ދައްކާލިއެވެ. ފަހުދުގެ ހުނުމުގައި ރޭޝްމާ ބައިވެރިވިއިރު ހީވަނީ އެއީ ފަހުދު އުފާކޮށްލަން އޭނާ ކުރިކަމެއް ހެންނެވެ. ފަހުދުގެ އަތުން ބޭސްގުޅަ އަތުލުމަށްފަހު ރޭޝްމާ އެ ބޭސްގުޅަ ފަހުދުގެ އަނގައަށް ލަވާދިނެވެ. އަދި އޭނާގެ އަތުން ފަހުދުގެ ތުނބުގައި ޖޫސްތަށިޖައްސާލިއެވެ.

އެއްނޭވާއިން ކަހަލަ ގޮތަކަށް ޖޫސްތަށިބޮއެ ހުސްކޮށްލުމާއެކު ފަހުދުގެ އަތުގެތެރެއަށް އޭނާ ރޭޝްމާ ދަމައިގަތެވެ. އަދި ރޭޝްމާގެ ކަރުދޮށުގައި ވަސްގަނެލުމާއެކު ސަމާސާކޮށްލިއެވެ. އެހިނދު ފަހުދުގެ އަތުގެ ތެރެއިން ވީއްލިގެން ސޯފާތަކުގެ މެދުގައި ހުރި ކުޑަ މޭޒުމަތީ ބިއްލޫރިތަށި ބަހައްޓާފައި ރޭޝްމާ އައިސް ސިޓިން ރޫމުގެ ދޮރު ލައްޕާލިއެވެ. އަދި ސިޓިން ރޫމުގެ އަލި ފަނޑުކޮށްލާފައި އައިސް ފަހުދުގެ އަތުގައި ހިފައިގެން އޭނާ ތައްޔާރުކުރި ކޮޓަރީގެ ތެރެއަށް ގޮސް ވަނެވެ.

* * * *

“މިގަޑީގައި މިކޮޓަރިއަށް ތިއައީ ކީއްކުރަން، އަހަރެން މިއުޅެނީ ނިދަންވެގެން” އެނދުގައި ދެފައިވަށްކޮށްލައިގެން އަންހެނުންގެ އިނގިރޭސި މަޖައްލާއެއް ހިފައިގެން އިން ޖަޒްލާގެ ކޮޓަރީގައި ޓަކި ޖަހާލާފައި އެތެރެއަށް ވަން ޖަލާލު ފެނުމުން ބުނެލިއެވެ.

“ޖޭޒް، ކީއްވެތަ ތިހާ ގޮތްދޫނުކުރަނީ، ނޭނގޭތަ އެއީ ޖޭޒްގެ މަންމަކަމެއް، ހިތަށް އައިހާ އެއްޗެއް އޭނާއަށް ކިޔަންހުރި މީހެއްނޫނޭ އެއީ، ބަލަ ޖޭޒްއަށް ތިހެން ތިއުޅެވެނީ ކާމިލް ބައްޕަ މަންމައާ އިނީމައެއްނޫންތަ؟”

“މިގަޑީގައި ބޭބެއާ ޒުވާބުކުރާކަށް އަހަރެން ބޭނުމެއްނޫން، މާގިނައިން ވާހަކަދައްކަނިކޮށް އަހަރެންގެ މި މާސްކު ނެއްޓިދާނެ… އެހެންވީމަ ބޭބެ ކިޔަން އައި އެއްޗެއް ކިޔާފައި ދެން ދޭ”

“ޖޭޒްގެ ތި ގޮތްދޫނުކުރުމުގެ ނަތީޖާ ކޮންމެވެސް ދުވަހަކުން އަދި ފެންނާނެ، އެ ދުވަހުން ޖޭޒްއަށް ވިސްނޭނެ ގޮތްދޫނުކޮށް ތިހެން އުޅުމަކީ ކިހާވަރެއްގެ ކަމެއްކަން، އަނެއްކާ ޖޭޒް ތިހިތުގައި ޖައްސަނީ ޖޭޒްގެ މަންމަ، އެއީ ދަރިއަކު ކޮށްގެންވާނޭކަމެއްނޫން” ޖަލާލުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އެހެންނަމަވެސް ޖަޒްލާ އޭނާގެ ވާހަކައެއް އަޑު ނާހާނެކަން ވެސް އެނގެއެވެ. ކުރާނެކަމެއްނެތް ފަދަ ގޮތަކަށް ޖަލާލު އެ ކޮޓަރީގެ ދޮރުލައްޕާލާފައި އެނބުރި ދިޔައީއެވެ.

އަބަދު ވެސް ރީތިކޮށް ހުންނަން ޖަޒްލާ ވަރަށް ބޮޑު އިސްކަމެއްދެއެވެ. އަނެއްކޮޅުން އޭނާގެ ދިރިއުޅުމަކީ އަގުބޮޑު ދިރިއުޅުމެކެވެ. ފުރާވަރަށް އެޅިއިރު އުޅެން ޖެހުނު ނިކަމެތި ހާލުގެ ސަބަބުން އޭނާގެ އުންމީދަކަށް ވެފައިވަނީ މުއްސަނދި ދިރިއުޅުމެއް ހޯދުމެވެ. އޭނާއާ އެއްކޮށް އުޅޭ މީހުންނަށް އޭނާގެ ތަނަވަސްކަން ދެއްކުމެވެ. ޖަޒްލާގެ ނަސީބު ރަނގަޅީކަމެއް ނޭނގެއެވެ. ތުއްތުއިރު ނިކަމެތި ހާލަށް އޭނާ ދޫކޮށްލާފައި ދިޔައީ އޭނާގެ ބައްޕައެވެ. އެމީހުން އުޅުނު ހާލު ޖައްސާ އެ ބައްޕަ ނިކިމެތިކޮށްލަން އޭނާ ބޭނުންވެއެވެ. އެކަން އޭނާއަށް ކުރެވެން އޮތީ މުއްސަނދި ދިރިއުޅުމެއް ލިބިގެންނެވެ. އެމަގު ފަހިވީ މާލޭގެ މުއްސަންޖެއްކަމަށްވާ ކާމިލްއަށް ޖަޒްލާގެ މަންމަ ފެނި ކަމުދިއުމުންނެވެ. އޭރު އޭނާއަކީ އެހެންމީހަކާ އިނދެ ވަރިވެފައި ހުރި މީހެކެވެ. ޖަޒްލާގެ ނަސީބު ރަނގަޅުކަމުން އެއްވެސް ދަރިއަކު ކާމިލްގެ ނެތެވެ. އެހެންވެ އޭނާގެ މަންމައަށް އެ ކައިވެނި ކުރުމަށް ހިތްވަރުދިނެވެ. އިތުރު ކައިވެންޏެއްގެ ސަބަބުން އަންހެންދަރިފުޅަށް ވެދާނޭގޮތަކާމެދު ކަންބޮޑުވެފައި ހުރި އިނާޔާއަށް ހިތްހަމަޖެހުމެއް ލިބުނީ ޖަޒްލާގެ ރުހުން ލިބުނީމައެވެ. ނަމަވެސް އެކަން ބަދަލުވީ އިނާޔާއަށް ކާމިލްގެ ދަރިއަކު ލިބުމުންނެވެ. އުމުރުން އެހާ މައްޗަށް ގޮސްފައި ހުރިއިރު އިނާޔާ ދަރިއަކު ހޯދުންވީ ޖަޒްލާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަކަށެވެ. އޭނާ ބޭނުންވީ ޢާއިލާގެ އެންމެ ހަގުކުއްޖާއަށް އޭނާ ވުމަށެވެ. އެހެންނަމަވެސް ކާމިލް އާއި އިނާޔާއަށް ލިބުނު ފިރިހެން ދަރިފުޅު، ނައޫފްގެ ސަބަބުން އޭނާއަށް އެ މަޤާމު ގެއްލުނީއެވެ. ހީކުރެވުނީ ކާމިލް، ޖަޒްލާއަށް ދެމުން އައި ސަމާލުކަން ކުޑަވެގެން ދާނޭކަމުގައެވެ. އަދި ޖަޒްލާ ޢާއިލާއިން ބާކީވެދާނޭ ކަމުގައެވެ.

އިނާޔާއަށް ކާމިލުވީ ހީވެސް ނުކުރާހާ ރަނގަޅު ފިރިއަކަށެވެ. އިނާޔާއާއެކު ކުއްޖަކު ބޭނުންވެގެން ކާމިލު އުޅޭވަރު ފެނިފައި އެކަމަށް ނޫނެކޭ ބުނަން އިނާޔާއަށް ވެސް ނުކެރުނީއެވެ. ޖަޒްލާގެ ގޮތްދޫނުކުރާ ގޮތެއް ހުއްޓެއްކަމަކު ކާމިލު އޭނާދެކެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވެއެވެ. ނައޫފު ލިބުމަކުން އިނާޔާއަށް ކުރިން ލިބފައި ތިބި ކުދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ކާމިލު ނުގެންގުޅެއެވެ. އޭނާގެ ވާހަކަތުން ޢާއިލާ މިހާރު ފުރިހަމަވެއްޖެކަން އެނގެއެވެ. އަދި ޖަޒްލާގެ ގޮތްދޫނުކުރުމަކީ އެ ކުއްޖާގެ ޠަބީޢީގޮތެއް ކަމުގައި ކާމިލު ޤަބޫލުކުރެއެވެ. އެހެންވެ އެކަމާ ޝަކުވާއެއް ނުކުރެއެވެ. އަދި އޭނާ ދުށީ ޖަޒްލާއަކީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައެވެ. އެހެންވެ އެ ދަރިފުޅު އުފަލުގައި ބެހެއްޓުމަށްޓަކައި އަތުން ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަމުގައި ވިޔަސް ކާމިލު ޖެހިލުމެއްނުވެއެވެ. އޭނާއަށް ލިބިފައިވާ މުދަލާ ފައިސާއަކީ އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ތިން ދަރިންގެ ހައްޤެކެވެ. އެތަކެތިން އެކުދިންނަށް ހިތްހަމަޖެހުން ހޯދާދޭން އޭނާ ބޭނުމެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލުމާއެކު ކުޑަތުވާލިކޮޅަކުން ޖަޒްލާ މޫނުގައި އަޅާ އޮބާލަމުން ފެންހިއްކަން ފެށިއެވެ. އަދި އައިސް ރީތިވާ މޭޒު ކުރިމަތީ އިށީނދެ ކުޑަފުޅިއެއް ނަގާ އޭގައި ހުރި އެއްޗެއް ދެއަތުން މޫނުގައި އުނގުޅަންފެށިއެވެ. އެގޮތަށް ދެއަތާ ދެފައިގައި ވެސް އޭނާ ކުރީމު އުނގުޅިއެވެ. ނިދަން އެނދަށް އެރީ ދެނެވެ.

“ފަހުދު، ވަގުތު ހަމަވީ…” އަތުކުރީ އޮތް ގަޑިއަށް ރޭޝްމާ ބަލާލާފައި ބުނެލިއެވެ.

“ހަތަރެއް ޖެހީތަ؟ ހާދަ އަވަހަކާ، އަހަރެން އައިތާ ހަތަރު ގަޑިއިރު ވީތަ؟ އިތުރަށް އެންމެ ފުރުޞަތެއް ވެސް ދެން ނޯންނާނެތަ؟” އެނދުގައި ވިއްދާލި ދެއަތުގެ ބާރަށް ހަށިގަނޑު ކޮޅަށް ހިއްލާލަމުން ފަހުދު ބުނެލިއެވެ.

“އޯކޭ… އޯކޭ… މިދަނީ” ރޭޝްމާ ބަލާލި ގޮތުން ނިކަން ފަސޭހައިން ފަހުދު ބުނެލިއެވެ.

ބޮލުގެ ފުއްކިބައިގައި އަތްހާކާލާފައި ފަހުދު އެނދުން ތެދުވެ އެގެއިން ނިކުންނަން ތައްޔާރުވެލިއެވެ. އަދި އެކޮޓަރީގައި ހުރި ރީތިވާ މޭޒުގެ ލޯގަނޑުން މޫނު ބަލާލާފައި ދަތްދޮޅީގައި އަތްހާކާލިއެވެ. އޭރު ރޭޝްމާ ވެސް އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އެނދުކައިރީ ހުރި އަރިމަތީ ކަބަޑުގެ ކައިރީ ފަހުދު އައިސް ހުއްޓިލިއެވެ. އަދި ލައިގެން ހުރި ފަޓުލޫނުގެ ވައަތްފަރާތު ޖީބުން ނެގި ސިޓީއުރަ ކަބަޑުމަތީ ބާއްވާލާފައި ފަހުދު ނިކުމެ އިށީނީ ސިޓިންރޫމު ސޯފާގައެވެ. އޭނާ އެތަނުގައި އިށީންތާ ގިނައިރެއް ނުވަނީ ރޭޝްމާ ކޮޓަރިން ނިކުތެވެ. އަދި އަނގައިން ބުނުމެއްނެތި އައިސް ސިޓިންރޫމުގެ ދޮރުހުޅުވާލާފައި އެއްފަރާތުގައި މަޑުކޮށްލިއެވެ. ފަހުދު ނިކުތުމުން ރޭޝްމާ ކުރިއަށް ޖެހިލާ ބޭރު ދޮރޯށި ވެސް ހުޅުވާދިނެވެ. އެހެންނަމަވެސް ދޮރޯށި ލައްޕާލަން އުޅެނިކޮށް ފަހުދު ރޭޝްމާގެ އަތުގައި ހިފިއެވެ.

“އަހަންނަށް އެންމެ ރެއަކުން ނުވާނެ…”

“ދެން މާގިނަ ވާހަކަނުދައްކާ ދޭ، އެހެންނޫނީ މިގޭ މީހުން ހޭލަފާނެ” ފަހުދުގެ އަތް ފޮޅާލަމުން އޭނާގެ ކޮނޑުގައި އަޅާ ކޮއްޕާލާފައި ރޭޝްމާ ބުނެލިއެވެ. އަދި ދެވެނަ އެއްޗެއް ފަހުދު ބުނުމުގެ ކުރިން އަވަހަށް ދޮރޯށިލައްޕާލިއެވެ. އެއާއެކު ދޮރުގައި ހަރުކޮށްފައި ހުރި އޮޓޯތަޅުން ތަޅުލެވިގެން ދިޔަ އަޑުއިވުނެވެ.

ހަލުވިކޮށް ހިނގާފައި އައިސް ރޭޝްމާ ގޭތެރެއަށްވަދެ ސިޓިންރޫމު ދޮރު ތަޅުލިއެވެ. އެއާއެކު މައްޗަށް ދާން ހުރި ސިޑިއަށް ބަލާލެވުނެވެ. އެހިނދު މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅާލުމާއެކު އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. ދެއަތްފުރަގަހަށްލައިގެން ދޮރުގައި ލެނގިލައިގެން އިރުކޮޅަކު ރޭޝްމާއަށް ހުރެވުނެވެ. އެހެންހުރެފައި އޭނާ އަނެއްކާ ވެސް ބަލާލީ އަތުކުރީ އޮތް ގަޑިއަށެވެ. އެއާއެކު މަޑުޖެހިފައިވާ އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށިކަހަލައެވެ. ދުރުދުރުގައި އަޅާލި ފިޔަވަޅުތަކާއެކު އައިސް ވަނީ ތިރީގައި ހުރި ކޮޓަރިއަށެވެ. އެނދުގެ ތަންމަތިނަގާ ހުރިހާ އުއްބައްތިއެއް ނިވާލާފައި އެނދުގެ އަރިމަތީ ހުރި ކަބަޑުގެ މަތީ އޮތް ސިޓީއުރަ ހިފައިގެން އެ ކޮޓަރިން ރޭޝްމާ ނިކުތެވެ. ހަލުވިކޮށް އައިސް ސިޑިން އެރިއެވެ. އަދި އެއްޗެހި ދޮންނަން މެޝިނު ބަހައްޓާފައި ހުރި ބަޔަށްވަދެ އެތަނުގައި ހުރި ވަށިގަނޑަށް އެނދުންނެގި ބެޑުޝީޓާއި ބާލީސްއުރަތައް އަޅާލިއެވެ. ދެން އައިސް ރޭޝްމާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލަމާރި ކައިރިއަށް އައިސް ހުއްޓި ދޮރުފަތްކަހާލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ކުޑަކަބަޑުގެ ދޮރުފަތް ގުދުވެލާފައި ހުޅުވާލިއެވެ. އެއަށްފަހު އަތުގައި އޮތް ސިޓީއުރައިގެ ތެރޭގައި ހުރި އެއްޗެއް އޭނާ ނެގިއެވެ. އޭގައި އޮތީ ދިވެހިފައިސާއެވެ. ރޭޝްމާ ގުނާލިއިރު ފަސްސަތޭކައިގެ ގަނޑުން ފަނަރަހާސްރުފިޔާ އޮތެވެ. އެއަށް ބަލާލުމަށްފަހު ތިޖޫރީގެ ދޮރުފަތްހުޅުވާލާފައި އޭގެތެރޭ ފައިސާތައް ބަހައްޓާލިއެވެ. އަދި އިހު ހުރިގޮތަށް އަލަމާރި ލައްޕާލާފައި ރޭޝްމާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ.

ފެންވަރައިގެން ނިކުމެ ބޯހިއްކާއެތިން ރޭޝްމާގެ އިސްތަށިގަނޑު ހިއްކަމުން ދިޔައެވެ. އޭނާ ނިދާ ހެދުން ލައިގެން އެނދަށް އެރުމުގެ ކުރިން ޒޫރިންގެ ކޮޓަރިއަށް އައިސް ވަނެވެ. އާދައިގެ މަތީން ބޯއަޅާ ބާލީސް މަތީ ކިޔަން ގެންގުޅުނު ވާހަކަފޮތް ބާއްވާލާފައި އޮތް އިރު ފޯނާ ގުޅާފައި އޮތް ހެޑުސެޓުގެ ދެކޮޅު އޭރުވެސް އޮތީ ޒޫރިންގެ ކަންފަތުގައެވެ. ރޭޝްމާ އައިސް ހެޑުސެޓު ނައްޓާލަމުން ފޯނާއި ވާހަކަ ފޮތް ނަގާ ކަބަޑުމަތީ ބާއްވާލިއެވެ. އަދި ލޯތްބާއިއެކު ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. މަޑުމަޑުން އޭނާގެ ދެލޯ ފެންކަޅިވާންފެށިއެވެ. އެހިނދު ނިކަން އަވަހަށް ދެ ލޯ ފުހެލަމުން ޒޫރިންގެ ކޮޓަރިން ރޭޝްމާ ނިކުތެވެ.

އެނދުގައި ހަމަޖެހިލިއެއް ކަމަކު ރޭޝްމާގެ ލޮލަށް ނިންޖެއް ނައެވެ. ޒޫރިންނާ މެދު އޭނާއަށް ވިސްނެނީއެވެ. އަމިއްލަ ދިރިއުޅުން ބޮއްސުން ލާފައި އޮތްއިރު އޭނާ ފަދަ ދިރިއުޅުމެއް ޒޫރިންނަށް ލިބޭކަށް ރޭޝްމާ ނޭދެއެވެ. ވީހާ ވެސް އަވަހަކަށް ޒޫރިން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވާލަން ރޭޝްމާ ވިސްނަނީ އެހެންވެއެވެ. އެނބުރި އަންނައިރު ޒޫރިންގެ ޅަގޮތް ކެނޑި ފުރިހަމަ ޒުވާނަކަށް އެކުއްޖާވާނެކަން ރޭޝްމާއަށް އެނގޭތީއެވެ. އޭރުން ޒޫރިންގެ ހަޔާތަށް ރަނގަޅު ބައިވެރިއަކު އައުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ރޭޝްމާގެ އެތަކެއް އުންމީދަކާ ހުވަފެންތަކެއް ވަނީ ޒޫރިންނާ ގުޅިފައެވެ. މުޖުތަމަޢު ބަލައިގަންނަ ރަނގަޅު ކުއްޖަކަށް ޒޫރިން ހެދުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަންތަކަވެ. އަމިއްލައަށް ފުރިހަމަކުރުމަށް ދުށް އެތައް ހުވަފެންތައް ވިއްސިވިހާލިވެފައި ވަނިކޮށް އެކަން ހަޤީޤަތަކަށް ހެދުމަށްޓަކައި ރޭޝްމާއަށް އިތުރު ފުރުޞަތެއް ލިބިގެން ދިޔައީ ޒޫރިންގެ ސަބަބުންނެވެ. އޭނާ އެ ދަރިފުޅަށްޓަކައި ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އެހެންނަމަވެސް ރޭޝްމާއަށް ހުއްޓާނުލެވުނު ކަމަކީ ފަހުދު ކަހަލަ މީހުން އެގެއަށް އަންނަ އައުމެވެ. އެކަން ހުއްޓާލުމަށް އޭނާ ވަރަށް މަސައްކަތްކޮށްފިއެވެ.

“ޒޫރިން ފަޚުރުވެރިވާފަދަ މަޔަކަށް އަހަންނަށް ދުވަހަކު ވެސް ނުވެވޭނެ، އެކަމަކު ކޮންމެވެސް ދުވަހަކުން ޒޫރިންނަށް ދަރިއަކު ލިބޭއިރު އޭނާވާނީ އެ ދަރިފުޅު ފަޚުރުވެރިވާނޭވަރުގެ މަޔަކަށްކަން ޔަޤީން… އަހަރެންގެ ޒޫރިންނަކީ އަބުރުވެރި އޯގާތެރި އުޅުންހުރި ކުއްޖަކަށް ހަދާނަން، ރަނގަޅު ހަޔާތެއް އެ ކުއްޖާއަށް ހޯދާދޭނަން… އަހަރެންގެ މަންމަ ވެސް އަހަންނަށް ރަނގަޅު، މަންމަ ބަލިވުމަކީ މަންމަގެ ކުށެއްނޫން، އަދި ނުބައި ދޮންބައްޕައެއް އަހަންނަށް ހޯދާ ދިނުމަކީ އެ މަންމަ ބޭނުންވިގޮތެއްނޫން، އެކަހަލަ ނުބައި މީހުންގެ ކިބައިން އަހަރެންގެ ޒޫރިން ސަލާމަތްކުރާނަން…. ފުރާވަރުގެ އުމުރުގައި ނުބައި އާދައަކަށް ހިތްލެނބި އެކަމަށް ދެވިހިފީ އޭނާއާ ހެދި…. އެކަމަކު މިހާރު އަހަރެން އެހެން އުޅެންވީ ސަބަބީކޮބާ؟ އަހަންނަށް އެކަމުން ދުވަހަކު ވެސް ސަލާމަތެއް ނުވެވޭނެތަ…. ވެވޭނެނަމަ މިހަރު ވެވުނީސް، ޒޫރިން ބޮޑުވަމުން އައި ވަރަކަށް އަހަރެންގެ ގެއަށް އަންނަ މީހުން މަދުކުރިން، އެއިން އެކަކަށް ވެސް ޒޫރިންނެއް ނުފެންނާނެ…. އަހަރެންގެ ދަރިއަކު ހުންނަކަމެއް ވެސް ނޭނގޭނެ، އެއީ އަހަރެން ބޭނުންވާގޮތް، އެކަމަކު މީހުން މަދުވިޔަސް އަހަރެން އެހެން ނޫޅޭކަމަކަށް ނުވާނެ… ހުއްޓާލަން ކިތަންމެ ފަހަރަކު ވިސްނައިފިން، ޒޫރިންނަށްޓަކައި ވެސް ހުއްޓާލަން ބޭނުންވޭ… އެކަމަކު ކީއްވެތަ އަހަންނަށް ހުއްޓާނުލެވިގެން މިއުޅެނީ….” ނިތްކުރީގައި އެއްއަތް ބާއްވާލައިގެން އޮތް ރޭޝްމާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ލޮލުގެ ހިމަކޮޅުން ދެފަރާތަށް ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައެވެ.

* * * *

“ގުޑު މޯނިންގ މަންމާ” ބަދިގެފަރާތަށް ވަދެގެން އައި އީތަންގެ އަޑުއިވުނެވެ.

“ގުޑު މޯނިންގ… އެއީ ތެދެއްތަ؟” ސޮސެޖު ފިހަން އުނދުންކައިރީ ހުރި ހަމްރާ ހިނިތުންވެލަމުން އަހާލިއެވެ.

“ކޮންކަމެއް…. ސޮސެޖު ވަސް ދުވީމަ އަދިވަކިން ބޮޑަށް ބަނޑުހައިވެއްޖެ” މޭޒުމަތީ ބަންޑުން ޖަހާފައި އޮތް ތަށި އުއްޑުންކޮށްލަމުން އީތަން ބުނެލިއެވެ.

“ހެނދުނު ހެނދުނާ ދަރިފުޅޭ ކިޔައިގެން މާމަ ވަރަށް އުފާވެރި ޚަބަރެއް މަންމައަށް ދީފި”

“ހޫން! ޖޮބަށް ދާވަހަކަ ދޯ…” ކުޑަކޮށް ހީނލަމުން އީތަން ބުނެލިއެވެ.

“މާމަ ގާތު ބުނެފިކަމެއްވިއްޔާ ދަރިފުޅު ކުރާނެކަން މަންމައަށް އެނގޭ… ވަރަށް އުފާވެއްޖެ، ދަރިފުޅު އަމިއްލައަށް ވިސްނިގެން ވަޒީފާއަކަށް ދާން ނިންމީމަ”

“ބައްޕައަށް އެނގޭތަ؟”

“އަދި ނުބުނަން، ދަރިފުޅު ގާތުން އަހާލާފައި ބުނަންކަމަށް، އެހެންނޫނީ އަނެއްކާ ތި ދެބަފައިން ކޯޅެން ފަށާފާނެ، މިހާރު މިގޭގެ ދޮރުތައް ވެސް މަންމައަށް ހީވަނީ އާކުރަންވެއްޖެހެން…. އެވަރަށް ބަލާފައެއްނޫންވިއްޔާ އީތަން ރުޅިއައީމަ ދޮރުތައް ޖަހާލަނީ”

“ސޮރީ މަންމާ، ރުޅި އައީމަ އަޅުގަނޑަށް އެހެން ހެދެނީއޭ… އެކަމަކު މާމަ އާއި މަންމަ ބުނިހެން މިހާރު ވަރަށް މަސައްކަތްކުރަން ރުޅި މަޑުކުރަން، މަންމާ، ދެން އަޅުގަނޑަށް ސައިހަދައިދޭންވީނު، ހާދަ ބަނޑުހައިވެގެންނޭ މިއައީ”

އުނދުން ނިއްވާލާފައި އީތަންއަށް ސައިތައްޔާރުކުރަން ހަމްރާފެށިއެވެ. އަމިއްލައަށް އެއްވެސް ކަމެއް ކުރުމަކީ އީތަންއަށް އާދަވެފައި ހުރި ކަމެއް ނޫނެވެ. ސުފިޔާނު ބުނާހެން އެންމެ ކުޑައިރުއްސުރެ ރާބިއާ އާއި ހަމްރާ، އީތަން ބޮޑުކޮށްފައި އެހުރީ މާ ލޯބިންނެވެ. އޭނާއަށް ޒިންމާ އުފުލުމަކީ ކޮބާކަން ވެސް ނުވިސްނެނީ އެހެންވެކަމަށްވެދާނެއެވެ.

“މަންމާ ފެން” މޭޒުމަތީ އަތުޖެހޭ ހިސާބުގައި ފެންފުޅި ހުރިއިރު ވެސް އީތަން އެދުނީ ހަމްރާގެ ގާތުންނެވެ.

“ދަރިފުޅާ، މަންމަ ފުރަންވެގެން އުޅޭކަން އެނގޭތަ؟”

“އެނގޭ… އެކަމަކު ގިނަދުވަހެއްނުވެ އަންނާނަމެއްނު، އައްދުބެ ޑޮލަރު ހޯދަންވެގެން ޖަލާލުބެ ގާތު އެވާހަކަ ދައްކަނިކޮށް އަޅުގަނޑު އަޑުއެހިން، މަންމާ… ހިނގާ މިގެއަށް މަސައްކަތްކުރާނެ މީހަކު ގެންނަމާ”

“އޭރުން ދަރިފުޅަށް ކަމުދާނެތަ އެމީހާ ކަންކަންކޮށްފައި ހުންނަގޮތް، ކޮންމެ ދުވަހަކަށް އޭރުން ޖެހޭނީ މީހަކު ހޯދަންކަންނޭނގެ، ދަރިފުޅަށް އެއްޗެއް ނުބުނެއެއް ނުހުރެވޭނެވިއްޔާ”

“މަންމަ އާއި މާމަކޮށްދޭހެން ކަންކަން ކުރަން އެހެންމީހުންނަށް ނޭނގިދާނެ، އެކަމަކު މަންމަ ތިހިރީ ދަސްކޮށްދޭން”

“ތީ ހަމަ މަންމަގެ އީތަންތަ؟ ދައްކާ ވާހަކައިން ހީވަނީ މުޅިން އެހެން ކުއްޖެއްހެން، ވަޒީފާއަކަށް ދިއުމާ، ގެއަށް މަސައްކަތްކުރާނޭ މީހަކު ހޯދުމާ… މީ ކޮންކޮން ވާހަކައެއްތަ” ދަރިފުޅު ސައިބޮއެ ނިމެންދެން މޭޒު ދޮށުގައި އިށީނދެލައިގެން އިން ހަމްރާ ބުނެލިއެވެ. އޭނާ އިނީ އީތަންގެ ފަރާތުން ފެންނަ ބަދަލާމެދު ޔަޤީން ނުވެފައެވެ. އެހެންނަމަވެސް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވެފައި ވެއެވެ.

“މަންމާ، އަޅުގަނޑަށް ވަރަށް އުނދަގޫވާނެ މަންމަ ފެންނަ ހިސާބުގައި ނެތިއްޔާ، އަޅުގަނޑަށް އެނގޭ މަންމަ އުޅެނީ ބަލިވެކަން، ގޭގެ ހުރިހާ މަސައްކަތެއް މަންމަ ކުރަންވީމާ މަންމަގެ ބަލި އިތުރަށް ބޮޑުވާނީ، މަންމަ އެހާ ބަލިވެ އުޅޭތަން ބަލާކަށް އަޅުގަނޑަކަށް ކެތެއްނުވާނެ، މާމައަށް ވެސް މިހާރު މަސައްކަތްކޮށް އުޅެން ފަސޭހައެއްނުވާނެ، މަސައްކަތްކުރާނެ މީހުން ގެނެވޭނެހާ ތަނަވަސްކަން އަޅުގަނޑުމެންގެ އެބަހުރި، އަޅުގަނޑު ރުޅިއެއް ނާންނާނަން މަސައްކަތްކުރަން ގެންނަ މީހާދެކެ، އެކަމަކު ޕްލީޒް މަންމާ… އެމީހާއަށް މިގޭގެ ކަންކަން ދަސްކޮށްދޭންވާނެ”

“ދަރިފުޅު މަންމަދެކެ އެހާ ލޯބިވޭތަ؟”

“އެހެންވީމަތާ ވަޒީފާއަށްދާން ވެސް މި ނިންމީ، އޭރުން އަޅުގަނޑު ވެސް މުސާރަ ނަގައިގެން ގެނެސް މާމައަތަށް އެއްބައި، އަނެއްބައި މަންމައަށް…. ދެން މަންމަ އާއި މާމަ ރެސްޓުކުރާނީ، މަސައްކަތު މީހާ ހުރިހާ ކަމެއް ކުރާނެއެއްނު”

“މަންމަގެ އީތަން، ހާދަ އުފާވެއްޖެޔޭ، އަދިވެސް ހިޔެއްނުވޭ ދަރިފުޅު ބޮޑުވެއްޖެހެނެއް، ސުކޫލުގައި އުޅުނުއިރު ވާހަކަ ހުންނަގޮތަށް ތިހުންނަނީ” ހަމްރާގެ ވާހަކަ ނުނިމެނީސް މޭޒުމަތީ ބާއްވާފައި އޮތް އީތަންގެ ފޯނު ރިންގުވިއެވެ.

“ހެލޯ… މޯނިންގ… ސައިބޮނީ، އިރުކޮޅަކުން ދާނަން، ޕްލީޒް، އިޓްސް ސޯ އާލީ…. މި ބުނީނު އިރުކޮޅަކުންނޭ…”

ހަމްރާއަށް ފެނުނީ ކުއްލިއަކަށް އީތަން ފޯނު ބޭއްވިތަނެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ. ނަމަވެސް ވީ ކީއްތޯ ހަމްރާ އަހައެއްނުލިއެވެ. އޭނާއަށް އެއީ ކާކުގެ ފޯނުކޯލެއްކަން އެނގުނީއެވެ. ބައެއްފަހަރު ހަމްރާ ކަންބޮޑުވާ ކަމަކީ އެއީއެވެ. އީތަންނާއި ޖަޒްލާގެ ދެމެދުގައި އޮތް ގުޅުމެވެ. ދެ ކުދިން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހަމްރާއަށް އެނގެއެވެ. ވަކިން ޚާއްޞަކޮށް އީތަންއެވެ. އެހެންނަމަވެސް ދެމީހުންނަކީ ވެސް މިޒާޖުގެ ގޮތުން އެހާ ގޮތްދޫނުކުރާ ދެމީހުނެވެ. ޖަޒްލާގެ ހުންނަ ގޮތްދޫނުކުރާ މިޒާޖަކީ ހަމްރާއަށް އެހާ ކަމުދާ ސިފައެއްނޫނެވެ. އެހެންނަމަވެސް އީތަންގެ އުފަލަށްޓަކައި އޭނާއަށް ކަމުދާ ކޮންމެ އަންހެންކުއްޖަކު ހަމްރާ ބަލައިގަންނަން ހުރީ ތައްޔާރަށެވެ. ޖަޒްލާގެ ކަމުނުދާ ސިފަތަކުގެ ވާހަކަ އެއްގޮތަކަށް ވެސް ހަމްރާ ނުދައްކަނީ އެހެންވެއެވެ.

އީތަންގެ ދޫހިމޭންވުމާއެކު އޭނާ އަވަސްއަވަސްކޮށްލައިގެން ބަދިގެ ފަރާތުން ނިކުތެވެ. ދެބުމަކައިރިކޮށްލާފައި ހުރިއިރު އޭނާގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފާޅުވޭވޭހުއްޓެވެ. އަތުގައި އޮތް ފޯނަށް ބަލާލާފައި ހަރުކޮށް ހިނގާފައި އައިސް އީތަން އޭނާގެ ކޮޓަރިއަށް ވަނެވެ. އެ މަންޒަރު ބަދިގެ ފަރާތަށް ދިޔަ އައިނީއަށް ފެނުނެވެ.

“މަންމާ، މިއޮއް ހެނދުނާ ކޮންކަމާ ރުޅިއައިސްގެން އީތަން އެ ދިޔައީ”

“ނޭނގެ، ފޯނު ކޯލެއް އައީ… އޭގެ ފަހުން ހިތްހަމަނުޖެހިފައި އިނދެގެން ސައި ވެސް އެބުއީ”

“ޔަޤީން އެވާނީ ޖޭޒްއަށް، އޭނާ ބޭނުންވާގޮތަށް ކަމެއްނުވިއްޔާ ފޯރިފަށެއް ހުންނާނެ، ހިތަށްއަރާ އީތަންކޮއްކޮއަށް އެ އަންހެނާ ގޮވައިގެން އުޅެން ކެތްވޭބާއޭ…” އައިނީ އަމިއްލައަށް ސައިހަދަން އުޅެމުން ބުނެލިއެވެ.

“އެވާހަކަ ނުދައްކާ އާދޭ އަވަހަށް ސައިބޯން، ކީއްވެތަ ބޮލުގައި ރިއްސަނީ، ބުނީމެއްނު ހެނދުނު އޮފީހަށް ނުދިޔައީ ބޮލުގައި ރިއްސާވަރުންނޭ..”

ހަމްރާ، އީތަންގެ ވާހަކަ ނުދައްކާނޭކަން އެނގި ހުރެ ވެސް އައިނީ ވާހަކަދެއްކިއެވެ. އޭނާ ސައިހަދައިގެން މޭޒުގެ ދޮށުގައި އިށީނދެ ބޮލުގައި ރިއްސަނީ ކީއްވެކަން ހަމްރާއަށް ކިޔައިދޭންފެށިއެވެ.

ކޮޓަރީގެ ހަތަރުފާރުގެ ތެރޭ އީތަންގެ އަޑު ގުގުމާލާފައި ވިއެވެ. އޭނާ ނުރުހުންވެފައި ފޯނުން ވާހަކަދައްކަމުން ދިޔައީ ޖަޒްލާއާއެވެ. އެތައް އިރަކު ދެމީހުން ޒުވާބުކުރިއެވެ. ފޯނު ކަނޑާލާފައި އީތަން އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ނިތްކުރީގައި އެއްއަތުން ހިފަހައްޓާލައިގެން އޮތެވެ. ލޯމަރާލައިގެން އިރުކޮޅު އޮވެފައި ފުންނޭވާއެއް އީތަން ލިއެވެ. އަދި އެނދުން ތެދުވެ އިށީންނަމުން ޖަޒްލާއަށް ގުޅިއެވެ.

“ސޮރީ ބޭބީ، އައި ލަވް ޔޫ…. އައި އެމް ވެރީ ސޮރީ… މިހާރު މިދަނީ އިނގޭ، ނުވާނެ ގިނައިރެއް” އީތަން ވަރަށް ދެރަވެފައި ވާހަކަދައްކަން ފެށިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ޖަޒްލާ ޤަބޫލުވީ ކަންނޭނގެއެވެ. އީތަން ފޯނުކޯލު ކަނޑާލާފައި އަވަސް އަވަހަށް ހެދުން ބަދަލުކޮށްލިއެވެ. ގަޔަށް ސެންޓު ޖަހާލަމުން އޭނާގެ ފަންއިސްތަސިގަނޑުގައި އަތްފުނާއަޅާލަމުން ކޮޓަރިން ނިކުތެވެ.

“މިވެސް ބައްޕަގެ ކަންތައް، ހުރިހާ ތަނަކަށް ހިނގާފަ ދާން މިޖެހެނީ…. އަހަރެންވީމަ ސައިކަލެއް ވެސް ގަނެގެންނުވޭ… ހުރެބަލަ، ޖޮބަށްދާންފެށީމަ ދެން ބައްޕައަކަށް އެހެން އަމުރެއް ނުކުރެވޭނެ…ޖޭޒް ވެސް ކައިރީގައި އުޅޭނަމައެއްނު… އެއީ ކޮން ހިސާބެއް، މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދާން މިޖެހެނީ…. ލައިންސެންސު އަތުގައި އޮތަސް އެއީ ބޭކާރު އެއްޗެކޭ އެއްވަރު…” އޯކިޑުވިލާގެ ދޮރޯށިން ބޭރަށް ފިޔަވަޅު އަޅާލުމާއެކު އީތަން ކުދިކިޔަންފެށިއެވެ. މަގުގެ ދެފަރާތަށް ބަލާލާފައި ޖިންސުގެ ޖީބަށް ދެއަތްޖަހާލައިގެން ޖަޒްލާމެންގެއަށް ދިއުމަށް ހިނގައިގަތެވެ.

* * * *

އެއްފިހާރައަށް ވަދެފައި ނިކުމެ އަނެއްފިހާރައަށް ވަންނަމުން ރޭޝްމާ އާއި ޒޫރިން އުޅެއެވެ. އަތުގައި ކޮތަޅުތައް ވަނީ ހައްތަހާ ގިނައެވެ. ރީތި އެއްޗެއް ފެންނައިރަށް ރޭޝްމާ އެއެއްޗެއް ޒޫރިންނަށް ގަނެދޭން ބޭނުންވެއެވެ. މާލޭގެ އެންމެ ބައިބޯގިނަ މަގުކަމުގައިވާ މަޖީދީމަގުގައި ހުރި ފައިވަން ފިހާރައަކުން ނިކުން ޒޫރިން އަތުގައި އޮތް ކޮތަޅުތަކާއެކު މީހެއްގެ ގައިގާ ޖެހުނެވެ. ކުއްލިއަކަށް އެމީހަކު ވެސް ޒޫރިންގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ.

“ސޮރީ…ސޮރީ…” ޒޫރިން އިސްއުފުލާ ބަލާލަންވާއިރަށް އެމީހަކު އޭނާގެ ގައިން ދޫކޮށްލާފައި ކުރިއަށް ހިނގައިގަނެއްޖެއެވެ. އޭނާގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެހެންނަމަވެސް އަތުން އޭނާގެ ފަންއިސްތަށިގަނޑު ރަނގަޅުކޮއްލި ގޮތް ޒޫރިންނަށް ފެނުނެވެ. އިސްކޮޅުން ދިގު ރީތި ހަށިގަނޑެއްގެ ވެރިއެއްކަން ފުރަގަހުން ވެސް ފާހަގަކުރެވުނެވެ. ބޭއިޚްތިޔާރުގައި ޒޫރިންނަށް އޭނާގެ ނޭފަތުގެ ކޮޅުގައި އަތްލެވުނެވެ. ނޭނގުމުގައި ވިޔަސް އެ ޒުވާނާގެ މޭގައި ޒޫރިންގެ މޫނު ޖެހުނެވެ. އެވަގުތު އެ ދުވި މީރު ވަހުން ޒޫރިންގެ އެތެރެހަށި ފުރި އެރި ކަހަލައެވެ. ހަށިގަނޑަށް ލިބިފައިހުރި ވަރުބަލިކަން ވެސް ފިލައިގެން ދިޔަ ކަހަލައެވެ. ކުރިއަށް ގޮސް އެމީހާ ގެއްލުމުގެ ކުރިން ރޭޝްމާ އައިސް ޒޫރިންގެ ކޮނޑުގައި އަތްލިއެވެ.

“ކިހިނެއްވީ؟ ރައްޓެހިކުއްޖަކު ފެނުނީތަ؟” ހިނިއައިސްފައި ދުރަށް ބަލަހައްޓައިގެން ހުރި ޒޫރިން ފެނިފައި ރޭޝްމާ އަހާލިއެވެ.

“ދެން ހިނގާ ގެއަށް ދަމާ” ޒޫރިން ދުރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އޭނާގެ ލޯ އަދިވެސް އެ ޒުވާނާ ހޯދާ ކަހަލައެވެ. އެހެންނަމަވެސް މީހުންގަނޑުގެތެރެއަށް ގޮސް އޭނާ ގެއްލުނީއެވެ. ވަކިކުރަން ނޭނގޭހާ ދުރަށް އޭނާ ހިނގައްޖެއެވެ. ރޭޝްމާއާ ދިމާއަށް ޒޫރިން އެނބުރިލީ ހިނިއައިސްފައި ހުރެއެވެ. އަމިއްލަ ނަފުޞަށް މިވީ ކިހިނެއްކަމެއް ނޭނގުނެއްކަމަކު ހިނިއާދެވުނީ ކުއްލިއަކަށް ފެނުނު މީހަކާ މެދު އޭނާގެ ހިތް ޝައުގުވެރިވި ގޮތުންނެވެ.

“މާބޮޑަށް ބަރުވީދޯ… ޓެކްސީއެއް ނަގައިގެން ގެއަށްދާނީ” ރޭޝްމާ ބުނެލިއެވެ.

ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވާ އެއަށް ރޭޝްމާ އާއި ޒޫރިން އަރައިގެން ގެއަށް އައެވެ. އެ ދެމައިން ގޭތެރެއަށް ވަދެ މިސްރާބުޖެހީ ޒޫރިންގެ ކޮޓަރިއަށެވެ. އަދި ހުރިހާ ކޮތަޅުތަކެއް ޒޫރިންގެ ކޮޓަރީ މެދެއްހާ ހިސާބުގައި ބަހައްޓާލިއެވެ.

“މަންމާ، ދެން އިތުރަށް އެއްވެސް އެއްޗެއް ގަންނާކަށް ބޭނުމެއްނޫން، ހާދަ ބައިވަރެކޭ މިއަދު އެކަނި ވެސް ގަނެގެން މިއާދެވުނީ” އުނގަނޑާ ދިމާލުގައި ދެއަތްވިއްދާލާފައި ވަރުބަލިކަމުގެ ނޭވާއެއް ޒޫރިން ބޭރުކޮށްލިއެވެ.

ރޭޝްމާ ހިނިތުންވެލާފައި ބޯޖަހާލަމުން ޒޫރިން ގޮވައިގެން އައިސް ވަނީ ބަދިގެއަށެވެ. އަދި އައިސްއަލަމާރި ހުޅުވާލާފައި ނެގި ޖޫސްޕެކެޓުން ޒޫރިންނަށް ޖޫސްތަށްޓެއް އަޅައިދިނެވެ.

* * * *

ޒޫރިން ފުރަންޖެހޭ ދުވަސް ކައިރިވަމުން އައިއިރު އޭނާއަށް ބޭނުންވާނޭ ހުރިހާ އެއްޗެއްހެން ރޭޝްމާ ހުރީ ތައްޔާރުކޮށް ނިންމާފައެވެ. ޒޫރިން ހުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އަންހެންކުދިން ބައިތިއްބާ ތަނުގައެވެ. އެއީ ރޭޝްމާ ބޭނުންވި ގޮތެވެ. ގެއެއްގައި ބެހެއްޓުމުން ޒޫރިންނަށް މާބޮޑަށް މިނިވަންކަން ލިބި ކިޔެވުމަށް އެކަމުގެ އަސަރުކޮށްފާނޭކަމަށްޓަކައެވެ.

އިރުއޮއްސި އަނދިރިވަމުން އައިގަޑިއެވެ. ކޮޓަރީގައި ރޭޝްމާ ހުރީ އިސްތިރިކުރާށެވެ. އޭނާގެ ފޯނު ރިންގުވާން ފެށުމާއެކު އިސްތިރިބަހައްޓާފައި އައިސް އެނދުމަތީ އޮތް ފޯނު ނެގިއެވެ. އެހިނދު އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ. އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ވާހަކަދެއްކިއެވެ.

“އައީ ދޯ… ކޮންއިރަކުން މިގެއަށް އަންނާނީ”

“މިހިރީ ގޭ ދޮރުމަތީ… ދޮރުހުޅުވަބަލަ”

ރޭޝްމާ ފޯނުކޯލު ކަނޑާލުމާއެކު ހަލުވިކޮށް ކޮޓަރިން ނިކުމެގެން ދޮރޯށި ދޮށަށް އައީ ވައިރޯޅިއެއްހެންނެވެ. އައިގޮތަށް އައިސް ދޮރޯށި ހުޅުވާލިއިރު ކުރިމަތީ ހުރީ ނާޒިލްއެވެ. ގޭތެރެއަށް ނާޒިލް ވަނުމާއެކު އޭނާ ރޭޝްމާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

“ކޮބާ ރީން…”

“ވެއްޖެ ޓެރެސްގައި، އަހަރެން ނުބުނަން ނާޒިލް މިއަދު މާލެ އަންނަން އުޅޭ ވާހަކައެއް، ފެނުނީމަ ހުންނާނެ ފޯރި، އަބަދު ހުންނަނީ އަހާލަ އަހާލަ ކޯއްޗެއް ހޯ ނާޒިލްބެ ގާތު ރީންއަށް ގެނެސްދޭން ބުނީ” ނާޒިލްއާ ގާތްވެލައިގެން ހުރެ ރޭޝްމާ އުފަލުން ވާހަކަދެއްކިއެވެ.

“އިސްކޮޅުން ދެމިލައިފި ދޯ މިހާރު، އެކަމަކު ބުނަން… ރޭޝްއާ ވައްތަރުގޮތެއް ރީންގެ ވެސް ހުރޭ އިނގޭ، ތީ އަހަރެންގެ ލައިފަށް އައި އެންމެ ރީތި ދެ އަންހެނުން، ހިތަށް އަރާ ހާދަ އަވަހޭ ދުވަސްތައް ދިޔަލެއް… ރީންއަކީ މިހާރު އަހަރެން އުރާލައިގެން ގެންގުޅުނު ކުއްޖާއެއްނޫން، އޭނާ ވެސް މިހާރު ފުރިހަމަ އަންހެނަކަށް ވަނީ…”

“ބައެއްފަހަރު ހިތަށް އަރާ ރީން ބޮޑުނުވާނެނަމައޭ، އޭރު ހުންނަހެން ކުޑަކުޑަކޮށް ލޯބިކޮށް ހުންނާނެނަމައޭ…”

“ރޭޝް ބިރުގަންނަނީ ދޯ ރީންއާ މެދު”

“އާން! ތެދަށް ބުނަންޏާ އަހަރެން ވަރަށް ބިރުގަނޭ، އަންހެން ދަރިއަކު ބޮޑުވުމުން އޭނާއަށް ކަމެއް ދިމާވެދާނޭތީ ހިތަށް އެ ލިބޭ ނުތަނަވަސްކަން މިއަދު އަހަންނަށް ވެސް އިހުސާސްކުރެވޭ، މިއަދު އެނގޭ އަހަރެންގެ މަންމަ އެހާ ކަންބޮޑުވީ ކީއްވެކަން”

“ޑޯންޓްވޮރީ… ރޭޝްއަކީ ސުޕަރ މާމްއެއް، އަހަރުމެންނަކީ ކޮންމެ ކަހަލަ ބަޔަކަށްވިޔަސް އަހަރުމެންގެ ރީންއަކީ އަލިގަދަ ތަރިއަކަށް ވާނެ، އެކުއްޖާ ރޭޝްގެ ހުރިހާ އުންމީދުތަކެއް ފުރިހަމަކޮށްދޭނެ…. ރޭޝްދެކެ އޭނާ ވަރަށް ލޯބިވޭ… ހަޤީޤަތް އެނގުނީމާ އަދިވަކިން ބޮޑަށް ލޯބިވާހެން އަހަންނަށް ހީވޭ”

“ކޮންމެވެސް ދުވަހަކު ހަޤީޤަތް އެނގޭނޭކަން އަހަންނަށް އެނގޭ، އަހަރެން ހުރީ އެކަމަށް ތައްޔާރުވެގެން… އެކަމަކު އެއީ ވަރަށް ދެރަވި ދުވަހެއް”

“އެ ހުރިހާ ކަމެއްގެ މަތީން މިހާރު ހަނދާންކުރުމުގެ ބޭނުމެއްނެތް، މިހާރު ރޭޝް ވެސް ތިހިރީ ހަމަޖެހިފައި، ރީން ވެސް ލިބިއްޖެ…. ހިނގާ ދެން އަހަރުމެންގެ ދަރިފުޅާ ބައްދަލުކުރަން…” ސިޑިން އަރަމުން ދިޔަ ނާޒިލު މިހެން ބުނެ ހޭންފެށިއެވެ. އެއާއެކު ރޭޝްމާ ވެސް ހީނގަތެވެ.

“އޭރުގަ އެ ކުޅުނު ވަރުގެ ޑްރާމާ ހިޔެއްނުވޭ ދެން ދުވަހަކު ވެސް ކުޅެވޭނޭހެން، އަސްލު ނާޒިލް އަހަންނަށް އެހީ ނުވިނަމަ ރީންއެއް ނުލިބުނީސް… ނާޒިލް އަހަރުމެން ދެމައިންނަށް ތިބަހައްޓާ ގާތްކަމަށް ޝުކުރިއްޔާ” ނާޒިލުގެ ކޮނޑުގައި ރޭޝްމާ ބޯޖައްސާލިއެވެ.

ދެމީހުން އެކުގައި ޓެރެސްއަށް ނިކުން އިރު ގޮނޑިއަކަށް ހަށިގަނޑު ދޫކޮށްލައިގެން ކުރިމަތީ ގޮނޑިއެއް ބަހައްޓާ އެއަށް ދެފައި އަރުވައިގެން ޒޫރިން އިނެވެ. މޭމަތީ ވާހަކަފޮތް ބާއްވާލައިގެން އުޑާ ދިމާއަށް ގެއްލިފައި އޮތް އިރު ހީވަނީ ކޮންމެވެސް ޚިޔާލަކަށް އޭނާ ގެއްލިފައި އޮތްހެނެވެ.

“ހާއި ފްރޫޓީ…” ނާޒިލުގެ އަޑާއެކު ޒޫރިން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ރޭޝްމާ އާއި ނާޒިލު އައިސް ޒޫރިންގެ އަތުގައި ދެފަރާތުން ހިފިއެވެ.

“އޯ މައި ގޯޑް…. ކޮންއިރަކު ނާޒިލްބެ އައީ… މަންމާ…” ލިބިފައި ހުރި އުފާވެރިކަމެއްގެ ސަބަބުން ޒޫރިންނަށް ދެލޯ ބޮޑުވެ އަނގަހުޅުވިފައި ހުއްޓެވެ.

“އައިގޮތަށް އެންމެ ފުރަތަމަ ވެސް މިއައީ ފްރޫޓީ ކައިރިއަށް… ހިއަރ ޔޫ ގޯ….” ނާޒިލު ފުރަގަހަށް ލައިގެ ހުރި އަތް ކުރިއަށް ނެރެ ޒޫރިންނާ ދިމާއަށް ދަމާލިއެވެ.

“މަންމާ….”

“ތީ ދަރިފުޅު ފުރަންވާއިރަށް”

“މީ ކޯއްޗެއް، ކުޑަކޮށް ބަރު….” ނާޒިލު ދިއްކޮށްގެން ހުރި ޕާރުސަލް ފޮށިގަނޑުގައި ޒޫރިން ހިފަމުން ބުނެލިއެވެ. އަދި އެ ޕާރުސަލް ހިފައިގެން ދުވެފައި އެތެރެއަށް އައެވެ. އޭނާގެ ފަހަތުން ރޭޝްމާ އާއި ނާޒިލު ވެސް އައެވެ.

ފޮށީގައި އޮތް ލެޕްޓޮޕާއި ޓެބްލެޓް ފެނިފައި ޒޫރިން ތޫލި އަޑަކުން ހަޅައިލަވައިގަތެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެހިނދު ރޭޝްމާ އާއި ނާޒިލުގެ ހުނުމުގެ އަޑު ވެސް އިވިގެންދިޔައެވެ. އެރޭގެ ކައުމުގައި ރޭޝްމާމެންނާ ނާޒިލު ބައިވެރިވިއެވެ. ޒޫރިން އެތައް ފަހަރަކު ޝުކުރުއަދާކޮށްފައި ނިދަން ކޮޓަރިއަށް ވަނީ އޭނާއަށް ލިބުނު ހަދިޔާތައް ހިފައިގެންނެވެ. ހަމައެއާއެކު ޒޫރިންގެ ކަންތައްތައް ހަމަޖެހެންދެން އޭނާއާއެކު ރާއްޖޭން ބޭރުގައި ރޭޝްމާ އާއި ނާޒިލު މަޑުކުރާނެކަމުގެ ޚަބަރު ލިބުމުން ވެސް ޒޫރިންގެ އުފަލުގެ ކޮޅެއް ނެތެވެ. އެރޭ އޭނާ ނިދުމުގެ އެއްވެސް ޝައުގެއްނެތެވެ. ބޭނުންވީ ލެޕްޓޮޕާއި ޓެބްލެޓުގައި ބައިތަކާ ކުޅެލާށެވެ.

ޒޫރިން ގޮސް ކޮޓަރިއަށް ވަންއިރު ނާޒިލު އިނީ ރޭޝްމާގެ ކޮޓަރީގައެވެ. އެ ދެމީހުން އެކަކު އަނެކަކަށް ހިނިތުންވެލިއެވެ. އެއީ ޒަމާންވީ ގާތް ދެ ރަޙުމަތްތެރިންނެވެ.

“ދެން އަހަރެން ދަނީ، މިރޭ އެބައޮތް ވަރަށް މުހިންމު ކްލައިންޓެއް ކައިރިއަށް ދާން، ރޭޝް ހުރިހާކަމެއް ހަމަޖައްސައިފިން ދޯ”

“އާން! އެހެންނަމަވެސް މާދަން ވަރަށް ބުރަކޮށް އުޅެން ޖެހޭނީ، އަނެއްދުވަހު ރީން ފުރާނެ، ނާޒިލު ޖައްސާލައްޗޭ ތިހެން އުޅެފައި” ރޭޝްމާ މިހެން ބުނެ ތެދުވިއެވެ. ނާޒިލު ވެސް ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“އާން! މާދަން އަންނާނަން، ރޭޝް ނަޔަސް އެންމެ ރަނގަޅު، އަހަރެން ހިނގައިދާނަން، މީ އަހަރެން އަލަށް މިގެއަށް އައި ފަހަރެއް ނޫނެއްނު” ނާޒިލު މިހެން ބުނެ ހީނލާފައި ހިނގައިގަތެވެ.

ރޭޝްމާ ކޮޓަރީ ދޮރުފަތުގައި ހިފަހައްޓާލައިގެން ނާޒިލު ދިޔަތަން ބަލަންހުރީ ހިނިތުންވެލައިގެންނެވެ. ނާޒިލު އެހާ ކައިރިން ފެނުމުން އޭނާގެ ޚިޔާލުތައް މާޒީގެ ތެރެއަށް ފީނައިގަތެވެ. ދޮރުފަތުގައި ބޯޖައްސާލައިގެން ހުރެ ރޭޝްމާއަށް ދެ ލޯ މަރާލެވުނެވެ.

* * * *

“ހިތްވަރުކުރޭ… ދެން އަހަރެން ދަނީ، އެކަމަކު ބުނަން ރޭޝްމާ ރޮއެ ހިތާމަކޮށްގެން ނުވާނެ” ސާރާ ދާން ތެދުވެފައި އައިސް ރޭޝްމާގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.

ރޭޝްމާ ބޯޖަހާލަމުން އެއްބަސްވިއެވެ. އެއާއެކު ޒުބޭދާ ވެސް ތެދުވެގެން ދާން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ރޭޝްމާ އައެވެ. ދޮރޯށި ކައިރިއަށް އެމީހުންނާއެކު ދިޔައެވެ. ނަމަވެސް ދޮރޯށި ލައްޕާލުމާއެކު ރޭޝްމާ އަވަސްވެގަތީ ފޯނު ހޯދާށެވެ. އަދި އަވަސް އަވަހަށް ނާޒިލްއަށް ގުޅިއެވެ.

“ތެންކިއު…” ރޭޝްމާ ހިނިއައިސްފައި ފޯނުގައި ހުރެ ބުނެލިއެވެ.

“އެމީހުން ދިޔައީތަ؟ ސާރާ ވަރަށް ރުޅި އައިސްފައި ދޯ ހުރީ… މަށަށް އެނގޭ އޭނާ ވަރަށް އެއްޗެހި ކިޔާލާނެކަން، ކޯޓުން ނިކުމެގެން ދިޔައިރު ވެސް ހުރީ ލޯ އަޅާފައި” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ނާޒިލު ވެސް ހުރީ ހިނިއައިސްފައިކަން އެނގެއެވެ.

“މިރޭ އަނައްޗޭ، އޭރުން އެއްބަސްވި ގޮތަށް ނާޒިލްއަށް ދޭންޖެހޭ އެއްޗެއް އަހަރެން ދޭނަން”

“ރޭޝް، ތިހާ ބޮޑުއެއްޗެއް ނުދިނެއްކަމަކު އޯކޭ… އަހަރެން ވެސް ބޭނުންވީ ރޭޝްއަށް ޒޫރިން ލިބުން، އެކަންވެއްޖެއެއްނު”

“ނާޒިލް އަހަންނާ ކައިވެނިނުކުރާ ކަމަކަށް ނުވާނެ ދޯ، އަނެއްކާ ވަރިވާންޖެހުނު ކަމުގެ ބަދުނާމު ވެސް އެޅުނީ ނާޒިލުގެ ބޮލުގައި، ތިކޮށްދިން ކަންތައްތަކަކީ ކޮންމެކޮންމެ މީހަކު ކޮށްދޭނެކަމެއްނޫން، މި ދުނިޔެއަށް ފިރިއަކު ހުރިކަން ދައްކަންޖެހުނު ވަގުތު ނާޒިލު އެކަން އަހަންނަށް ކޮށްދިނީމަ އޭގެ އަގު އަހަރެން އަދާކުރަން ބޭނުން، އިތުރު ވާހަކައެއް އަހަރެން އަޑެއް ނާހާނަން، މިރޭ ޗެކު ބަލާ އަންނާތި، އެއީ އަހަރުމެން ދެމީހުން ވެސް އެއްބަސްވިގޮތް”

“އޯކޭ… މިރޭ ދާނަން، އަސްލު މަށަށް ވެސް އާ ތަޖުރިބާއަކަށްވީ ފިރިއަކަށް ވެގެން އުޅެން ޖެހުނީމާ، އެހެންވިޔަސް ކާކަށް ދޯ އެނގޭނީ އަހަރުމެން ދެމީހުންނަކީ ކޮންޓްރެކްޓު އުސޫލުން ވަގުތީ ކައިވެންޏެއް ކޮށްގެން ތިބި ދެމީހުންކަމެއް…” ނާޒިލު ހޭންފެށިއެވެ.

* * * *

ޚިޔާލުތަކުން ދުރަށް ޖެހިލެވުނު އިރު ރޭޝްމާއަށް ވެސް ހެވެނީއެވެ. އޭނާ އާއި ނާޒިލްވަނީ ދެމަފިރިންގެ ގޮތުގައި އެތައް ބަޔަކަށް އޮޅުވާލާފައެވެ. ޒޫރިން ހޯދުމުގެ ބޭނުމުގައެވެ. އެއްލައްކަ ރުފިޔާއަކީ ރޭޝްމާ އޭނާގެ ވަގުތީ ފިރިއަކަށް ހަދަން ބޭނުންވި ޒުވާނާއަށް ދޭން ކަނޑައެޅި އަދަދެވެ. ރުފިޔާއަށްޓަކައި ކަމެއް ނުކޮށްދޭނެ މީހަކު ނުހުންނާނެކަން އޭނާ ޤަބޫލުކުރާތީއެވެ. އަދި އަދަށް ވެސް އޭނާ އާއި ނާޒިލުގެ ދެމެދުގައި އޮތް ގުޅުމުގެ ހަޤީޤަތް އެނގޭ މީހަކު ނެތެވެ. އެންމެން ވެސް ޤަބޫލުކުރަނީ ރޭޝްމާ އާއި ނާޒިލު ކައިވެނި ކުރީ ލޯބިން ކަމުގައެވެ. އަދި ވަކިވާން ޖެހުނީ އެ ދެމެދަށް އިތުރު އަންހެނަކު ވަދެގެންކަމުގައެވެ. ނާޒިލު ރޭޝްމާ ވަރިކުރީ އެހެންވެއެވެ. އޭރު ކައިރީގައި އުޅުނު އެންމެން ވެސް ރޭޝްމާއަށް ހަމްދަރުދީ ފާޅުކުރިއެވެ.

ކޮޓަރީގެ ދޮރުލައްޕާލާފައި ރޭޝްމާ އައިސް އެނދުގައި އޮށޯވެލިއެވެ. ކުރިން ރޭ އޭނާއަށް ރަނގަޅަށް ނިދިނުލިބި ހުރުމުން އަރާމުކޮށް ނިދާލާން އޭނާ ގަސްދުކުރިއެވެ. ކުރިއަށް އޮތީ ދެ ދުވަހަކީ ވެސް ރޭޝްމާ ހޭބޯނާރާ އުޅެން ޖެހޭނެ ދެ ދުވަހެވެ. އޭނާއަށް ދެން ހަމަޖެހިލެވޭނީ ޒޫރިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖެހުމުންނެވެ.

ރޭޝްމާއަށްވުރެ ކުރިން ޒޫރިންނަށް ހޭލެވުނެވެ. އޭނާ އަވަސް އަވަހަށް ޓެބްލެޓު ހިފައިގެން ޓެރެސްއަށް އައެވެ. ވަށައިގެން ހޯދާލާފައި އިރު އަރައިގެން ދުނިޔެމަތި އަލިކުރަމުން އައި މަންޒަރު ރިކޯޓުކުރުމަށް އުޅުނެވެ. އެކަން އޭނާ ބޭނުންވި ގޮތަށް ނުވި ނަމަވެސް ވީޑިއޯއެއް ހެދުނެވެ. އަދި ފުރުމުގެ ކުރިން ރޭޝްމާއަށް ކަމެއްކޮށްދޭން ބޭނުންވެގެން ހެނދުނު ސައި އަމިއްލައަށް ތައްޔާރުކޮށްލިއެވެ. އަދި ތަބަކުގައި ކާއެއްޗެހި އަތުރާލައިގެން ރޭޝްމާގެ ކޮޓަރިއަށް ދިއުމަށް ޒޫރިން ތައްޔާރުވެލިއެވެ.

ސައިތަބަށް ހިފައިގެން ބަދިގެ ފަރާތުން ނިކުމެފައި ވެސް ޒޫރިން އެނބުރި އައިސް ވަނެވެ. އަދި ވަށްކޮށްހުރި ބިއްލޫރި ކާމޭޒުގެ މަތީ ތަބަށްބަހައްޓާލާފައި އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ދެބުމައެއްކޮށް އަރުވާލިއެވެ.

“އަދި މާ އަވަސް، ހެނދުނު ހަތެއް ވެސް ނުޖަހާ، މިގަޑީގައި މަންމަ ސައެއް ނުބޯނެ… ސާބަސް ރީންނަށް…” ދެފަރާތަށް ބޯހޫރާލަމުން ޒޫރިން ބުނެލިއެވެ. އަދި އެއްއަތުން ނިތްކުރީގައި ޖަހާލިއެވެ.

* * * *

މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން ނިތްކުރީގައި ހިފަހައްޓާލައިގެން އީތަން އިން އިރު އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނާގެ ވަޒީފާ ހަމަޖެހި އޮފީހަށް ނިކުން ފުރަތަމަ ދުވަހު ވެސް އޭނާ ކުރަން ހުރި މަސައްކަތްތައް ފެނިފައި ބޮލުގައި ރިއްސައިގަތީއެވެ. އޮފީހެއްގައި ކުރަން ހުންނާނެ މަސައްކަތާމެދު މީގެ ކުރިން އީތަން ކުޑަކޮށް ވެސް ވިސްނާ ނުލައެވެ. އަވަސް ފުރުޞަތެއްގައި ވަޒީފާއެއް ހޯދުން ވެސް އީތަންއަށް ފަސޭހަކަމަކަށް ނުވިއެވެ. އީތަންގެ ބައްޕަ ސުފިޔާންއަކީ ގިނަ މީހުން ދަންނަ މީހަކަށް ވިޔަސް ބައްޕަގެ ގާތުގައި އެހީއަށް އެދެން އީތަން ބޭނުމެއްނޫނެވެ. އެހެންވެ އީތަން އައީ އޭނާގެ ބޭބެ އައިދަންގެ ގާތަށެވެ. ވަޒީފާ ހަމަޖެހުނީ އައިދަންގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޖަލާލުގެ އެހީގައެވެ. އަނެއްކޮޅުން ޖަލާލަކީ ޖަޒްލާގެ ބޭބެއެވެ. އީތަން ވަޒީފާއަކަށް ދާން ބޭނުންވުމުން ޖަލާލު ވެސް އޭނާގެ ފުރިހަމަ އެއްބާރުލުން ދިނެވެ.

“ސައިބޮއެފިންތަ؟” ނުފައިލު އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލިއެވެ.

ނުފައިލަކީ އޮފީހުގެ ވެރިޔާއެވެ. ޖަލާލުގެ ރަޙުމަތްތެރިއެކެވެ. އޭނާގެ ދަށުން މަސައްކަތްކުރާ ގޮތަށް އީތަން ހަމަޖެއްސީ އެހެންވެއެވެ. ކެބިން އިން ނިކުންނައިރަށް އީތަންގެ މޭޒު ހުންނަނީ ފެންނާށެވެ. ދެއަތުން ނިތްކުރީގައި ހިފަހައްޓާލައިގެން އީތަން އިން ގޮތުން ހެނދުނު ތެދުވެ އުޅެން އާދަވެފައި ނެތްކަން ނުފައިލަށް ފާހަގަކުރެވުނެވެ. އަދި އީތަންގެ ފުރަތަމަ ދުވަސްކަމަށްވާތީ އޮފީހުގައި އޭނާއާ އެކުވެ އުޅޭނޭ ކުއްޖަކު ނުވާނޭތީވެ ނުފައިލުގެ ބޭނުމަކަށްވީ އީތަންއަށް އެކުވެރިކަމުގެ އަތެއް ދިއްކޮށްލުމެވެ.

“ސައިބޮއެގެން އައީ…” އީތަން އަވަސް އަވަހަށް ހަށިގަނޑު ތެދުކޮށްލަމުން މަސައްކަތް ފަށަން އުޅޭގޮތް ދައްކާލިއެވެ.

“އަހަރެން މިދަނީ ސައިބޯން، އީތަން ސައިބޮއެގެން ހުއްޓަސް އަހަންނާ ބައިވެރިވާންވީނު” ނުފައިލު މިހެން ބުނުމުން އީތަން ބޯޖަހާލިއެވެ. އަދި ނުފައިލާއެކު އޮފީހުން ނިކުތުމަށް ހިނގައިގަތެވެ. ފޫހިވެފައި އިން އީތަންއަށް ނުފައިލުގެ ދަޢުވަތުވީ ރަނުގެ ފުރުޞަތަކަށެވެ.

“އީތަން ކޮން އޮފީހަކަށްތަ ވަނީ؟” ހަމްރާގެ އައު ޕާސްޕޯޓު ހަވާލުކުރަން އައިސް އިން ސުފިޔާނު ވާހަކަދެއްކިއެވެ.

“ނޭނގެ، އައިދަންނަށް އެނގޭނީ، ވަޒީފާއެއް ހޯދާދޭށޭ ކިޔާފައި އޭނާގެ ގާތަށް އީތަން ދިޔައީ”

ހަމްރާ ދޮވެފައި ހުރި އެއްޗެހި ފަތްޖަހަމުން އަލަމާރިއަށް އަޅަމުން ދިޔައިރު އެނދުގައި އިށީނދެގެން ސުފިޔާނު އިނެވެ. އީތަން އޮފީހަކަށް ވަނުމަކީ އޭނާ ބޭނުންވިގޮތް ކަމުގައި ވިޔަސް އެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރެއް ނުފެނެއެވެ.

“ހަމްރާ، އީތަން އަހަރެންދެކެ ރުޅި އާދޭ ދޯ”

“އޭނާ ހަށިގަނޑުން ބޮޑުވެފައި އުމުރުން އެކާވީސް އަހަރު ވިޔަސް، ސިކުނޑި އަދި ބޮޑެއްނުވޭ… އެހެންވެ އުޅޭގޮތް އެއީ، އަދި ވިސްނޭނެ، ވަޒީފާއަށް ދާން ފެށީމަ ކަންކަމަށް ލޯހުޅުވި ޒިންމާ ނަގަން ދަސްވާނެ، އޭރުން އެ ބަދަލުތައް ފެންނަން ފަށާނެ”

“އީތަން އަހަންނާމެދު ހިތްހަމަނުޖެހޭތީ ވަޒީފާއަކަށް ދަމުން އަންގާނުލީ، އަހަރެން ވަރަށް ބޭނުންވާކަމެއް އީތަން އަހަންނާއެކު ވިޔަފާރީގައި ބައިވެރިވުން”

“ސުފިޔާނުތީ އޭނާގެ ބައްޕަ، އެހެންވީމަ ލޯބިނުވެއެއް ނުހުންނާނެއެއްނު، އޭނާއަށް އަދި ވިސްނޭނެއޭ… ދެން ސުފިޔާނު ވެސް އީތަންއާ ދިމާއަށް އެއްޗެހި ކިޔުން މަދުކޮށްލާ”

“ތެދަށް ބުނަންޏާ އަހަރެން އެހާ ހިތްހަމައެއްނުޖެހޭ އީތަން އަބަދު ގޮސް ޖަލާލުމެންގޭގައި އުޅޭތީ، އަހަންނަށް ޖަލާލު ކަމުނުދަނީއެއް ނޫން، އޭނާއަކީ ވަރަށް ރަނގަޅު ޒުވާނެއް، އައިދަންއާއެކު އުޅުނު ހުރިހާ ރައްޓެހި ކުދިންގެ ތެރެއިން އަހަރެން އެންމެ ހިތްހަމަޖެހުނު ކުއްޖަކީ އެއީ….” ސުފިޔާނުގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ ހަމްރާ ވާހަކަދައްކަން ފެށީމައެވެ.

“އެންމެން އެއްގޮތެއް ނުވާނެކަން ސުފިޔާނަށް ރަނގަޅަށް އެނގޭނެ… އަހަރުމެންގެ ދޮށްޓަށް އެ ތިބަ ދެ ކުދިންނާ އީތަން އެކަނި ނުބައްދަލު، އެހެންވިޔަސް އަހަންނަށް އެނގޭ ސުފިޔާނު، އީތަންދެކެ ލޯބިވާވަރު، އެކުއްޖާއަކީ އަހަރުމެންގެ ދަރިއަކަށް ނޫނީ ނުވާނެ، ޖަޒްލާއަކީ ވެސް މިޒާޖުގެ ގޮތުން ތަފާތު ކުއްޖެއް… އަހަރުމެންގެ އީތަންއަށް އޭނާ ކަމުދޭ، އެހެންވީމަ އެ ދެމެދަށް އަހަރުމެންގެ ހިޔަނި އެޅޭކަށް އަހަރެން ނޭދެން… އީތަންގެ ހިތް އޮތްގޮތް ނޭނގުނެއްކަމަކު އަހަންނަށް ޔަޤީންވާ ކަމަކީ އެނާ ވަޒީފާއަށް ވެސް އެހާވަރަކުން ދާން އެ ނިންމީ ސުފިޔާނު އެކަމަށް ބާރުއަޅާވަރުން”

“ހަމްރާއަށް ޖަޒްލާގެ އުޅުން ކަމުދޭތަ… އެންމެ ދުވަހަކު މިގެއަށް އެކުއްޖާ އައީ، އަހަންނަށް ބުނެވުނު އެއްޗަކުން މިހާރު އީތަން އެ ހުންނަނީ ޖަޒްލާ މިގެއަށް ނުގެންނަން، އެ ދުވަހު ވެސް އެއްޗެއް ނުބުނެވޭ ގޮތަކަށް ނޫންވިއްޔާ ހުރީ”

“މިހާރުގެ އަންހެންކުދިންގެ ފަރާތުން ތިކަހަލަ ކިތަންމެ ކަމެއް ފެންނާނެ… ސުފިޔާނު، މިއަދު ގެއަށް އައިގޮތަށް ތި އިންނަނީ، ކަމެއް ވެސް ނެތީތަ؟” އީތަންއާ ހެދި ސުފިޔާނު ކަންބޮޑުވާކަން ހަމްރާއަށް އެނގޭތީ ދެކެވެމުންދިޔަ ވާހަކަ އެހެން ދިމާއަކަށް އަމާޒުކޮށްލިއެވެ.

“ނޫނޭ، ޑޮލަރުކޮޅު ވެސް ޖަމާކުރަން ދާންވީ، ތިން ފިހާރައިގެ ތެރެއިން ދެ ފިހާރަ އެއްކޮށްލާފައި ބޮޑުތަނެއް ހުޅުވަން ވިސްނާފައި އޮތީމާ އެކަމުގެ މަޝްވަރާ ބައްދަލުވުމެއް ވެސް އެބައޮތް… މިހެން އިނދެވޭކަށްނެތް”

* * * *

“ދަރިފުޅު މިއަދު ހާދަ ރަނގަޅު މޫޑެއްގައި ހުރި ދުވަހެކޭ”

ހެނދުނުގެ ނާސްތާ ޒޫރިން ތައްޔާރުކޮށްފައި ހުރުމުން އެކަމާ ރޭޝްމާ ހުރީ އުފަލުންނެވެ. އެހެންނަމަވެސް މިއަދު ޒޫރިން ފެންނަނީ އާދަޔާ ޚިލާފަށް ރޭޝްމާގެ ފަހަތުން އުޅޭތަނެވެ. މެންދުރަށް ކައްކަން ރޭޝްމާ ތައްޔާރުވެލީމާ ވެސް ގިނަ ކަންކަން ކުރުމުގައި ޒޫރިން އެހީވަމުން ދިޔައެވެ. ޒޫރިންގެ ފަރާތުން ފެންނަނީ މުޅީން ވެސް ރަނގަޅު ކަންތައްތައް ކަމުގައި ވިޔަސް އޭނާއަށް އައިސްފައި ހުރި ބަދަލުން ރޭޝްމާ ހައިރާންވެ ސުވާލު އުފެދުނެވެ.

“ދެން ގޮސްފައި އެހާ އަވަހަކަށް ނާދެވޭނެއެއްނު، މި ދެ ދުވަހު އަޅުގަނޑުގެ ހުރިހާ ވަގުތެއް ބޭނުންވަނީ މަންމައާއެކު އުޅެން”

“ރީން ތިހެން ނޫޅުނަސް މަންމައަށް އެނގެޔޭ ފުރައިގެން ދިޔައީމާ މަންމަ މަތީން ވަރަށް ހަނދާންވާނޭކަން، ތީ މަންމަގެ ބަސްއަހާ ކުއްޖެއްނު، ރީންއަށް އެނގޭތަ؟ މަންމަ މިހާރު ހިތަށްއަރާ ކޮންމެ ހާލެއްގައި ވެސް ކުރިން ކިޔެވުނުނަމައޭ، އެކަމަކު މަންމަ އުޅެން ޖެހުނުގޮތުން އެންމެ ފުރަތަމަ ވެސް ދުރުވެވުނީ ކިޔެވުމާ… މަންމަގެ ހުރިހާ ވެސް އުންމީދަކީ ދަރިފުޅު… ކިޔަވައި މޮޅުކުއްޖަކަށް ދަރިފުޅު ހަދަން މަންމަ މިއަދު ވަރަށް ބޭނުންވޭ، މަންމައަށް ވެސް ފަސޭހައެއްނުވާނެ ދަރިފުޅު ދުރުގައި ބަހައްޓައިގެން އުޅޭކަށް، އެކަމަކު މިހާރު ހުރިހާ އެންމެންވެސް އެމީހުންގެ ދަރިން މޮޅެތި މީހުންނަށް ހަދަން ކުރެވެން ހުރި މަސައްކަތެއްވިއްޔާ ކުރޭ… މާލެއަކީ ކުރީގެ މާލެއެއް ވެސް ނޫން، ވަޒީފާތަކަށް ނަގާނީ ވެސް މޮޅަށް ކިޔަވައިގެން ތިބޭ ކުދިން، އިރާދަކުރެއްވިއްޔާ މަންމަގެ ރީންއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ….”

“ތެންކިޔު މަންމާ، އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވާނަން މަންމަގެ ހެޔޮކަމަށް… މަންމަ ބޭނުންވާ ފަދަ ރަނގަޅުކުއްޖަކަށް އަޅުގަނޑު ވާނަން…”

ފިޔާކޮށަން އިން ޒޫރިންގެ ލޮލުން ހަޤީޤަތުގައި ވެސް ކަރުނަ އައިކަމެއް ރޭޝްމާ ނުދެނަ ހުއްޓެވެ. އޭނާ އަތުގެ ނުފުށުން ދެ ލޯ ފުހެލިއެވެ. ހިނިތުންވެލައިގެން އިނދެ ރޭޝްމާއަށް ބަލަމުން ދިޔައެވެ. ޒޫރިންގެ ކޯތާފަތުގައި ފިރުމާލާފައި މަސައްކަތައިގެން ރޭޝްމާ އުޅުނެވެ. އެހެންނަމަވެސް ޒޫރިންގެ ހިތަށް އުނދަގޫތަކެއް ކުރުވައިފިކަން އޭނާގެ މޫނުމަތި ހެކިވެއެވެ. ލޮލުން ކަރުނަ އައީ ފިޔާ ދިލައިގެ ސަބަބުން ނޫންކަން އޭނާގެ ހިތް އެއްބަސްވެއެވެ.

* * * *

އޮފީހުގެ މަސައްކަތުގައި އީތަން އިންއިރު އޭނާ އެތަނުގައި އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުންނުވާ ކަހަލައެވެ. އެހެންނަމަވެސް ދެތިން މުވައްޒަފަކު އޭނާއަށް ގޮވާލާ އާކުއްޖެއްތޯ ސުވާލުކޮށް ހަދާލައެވެ. އަދި ވެރިޔާގެ ދަށުން މަސައްކަތްކުރާތީ ގިނަ މުވައްޒަފުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޮފީހުގައި އުޅޭ ބައެއް އަންހެންކުދިންގެ ނަޒަރުތަކުން އީތަންއަށް ސަލާމަތެއްނުވެވުނެވެ. އީތަން އަނގައިން ނުބުނެ ކުރިމަތީ ހުރި ޑެސްކުޓޮޕަށް ނަޒަރު ސީދާކޮށްލައިގެން އިންއިރު ވެސް އޭނާއަށް އުނދަގޫގޮތެއް އިހުސާސްކުރެވެމުން ދިޔައެވެ. ފަހަރެއްގައި މަސައްކަތުގެ މާހައުލަށް އޭނާ އަދި ނުހެނޭތީ ކުރެވޭ އިހުސާސަކަށް ވެދާނެއެވެ.

އޮފީސް ނިމޭގަޑި ޖެހުމާއެކު އީތަން އެންމެ ސިކުންތެއް ވެސް މަޑެއް ނުކުރިއެވެ. އޭރު އޮފީހުގެ ބައެއް މުވައްޒަފުން ވެސް ގެއަށް ދިއުމަށް ތައްޔާރުވަނީއެވެ. ނުފައިލުގެ ކެބިންނަށް ބަލާލާފައި އޭނާ ނުނިކުތުމުން އީތަން އައިސް އެ ކެބިންގައި ޓަކި ޖަހާލާފައި ދޮރު ހުޅުވާލިއެވެ.

“ވަދޭ” ބޮޑުގޮނޑީގައި އިށީނދެ އިނދެ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނުފައިލު އިސްއުފުލާ ބަލާލީ އީތަން އައިސް މޭޒު ކައިރީ ހުއްޓުމުންނެވެ.

“އަޅުގަނޑު ގެއަށްދަމުން އެކަން އަންގާލަންވެގެން”

“މިއަދު ފުރަތަމަ ދުވަސްވީމާ އީތަންއަށް މާބުރައެއް ނުކުރާނަން، އެންމެ ރަނގަޅު ދިޔަޔަސް، އެކަމަކު ފުރަތަމަ މަސް ނިމޭއިރު ހުންނާނީ މިތަނުގެ މަސައްކަތްތަކަށް ރަނގަޅަށް ހޭނިފައެއްނު ދޯ… އޭރުން އަހަންނާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ، ވަރަށް ގިނަ މީޓިންގ ތަކަށް ދާން ޖެހޭނެ” ނުފައިލު މިހެން ބުނުމުން އީތަން މަޑުމަޑުން ބޯޖަހާލިއެވެ. އަދި އިތުރަށް ނުފައިލު އެއްޗެއް ނުބުނުމުން އެ ކެބިންއިން އީތަން ނިކުތެވެ.

އޮފީހުން އެންމެ ފުރަތަމަ ވެސް ނިކުތީ އީތަންއެވެ. އޭނާ ރީތިވެގެން އުޅޭ ބައެއް ކުދިން އަވަސް އަރުވާލާފައި އީތަންގެ ފަހަތުން އޮފީހުން ނިކުންނަން އައެވެ. އެކަން ފާހަގަ ކުރެވިގެން ކަންނޭނގެއެވެ. އީތަން މަގުމައްޗަށް ނިކުމެ ސިއްރުގޮތަކަށް ކަނާތްފަރާތަސް މޫނު އަނބުރާލަމުން ކޮނޑުމަތިން ފަހަތަށް ބަލާލިއެވެ. އަދި ދުރުދުރުގައި ފިޔަވަޅު އަޅާލުމާއެކު ހިނގައިގަތީ ވީ އެންމެ އަވަހަކަށް އެބަޔަކާ ދުރަށް ދިއުމުގެ ގޮތުންކަން ޔަޤީނެވެ.

* * * *

މެންދުރުފަހު އައިސް ކޮޓަރީގައި ޒޫރިން އޮށޯވެލައިގެން އޮތެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާގެ އުމުރުން ބާރަ އަހަރުގައި ރޭޝްމާއާ ކުރަން ފެށި ސުވާލުތަކެވެ. އެ ސުވާލުތަކަށް ޖަވާބު ލިބުމުން ޒޫރިންގެ ހިތް ކުދިކުދިވެގެން ދިޔައެވެ.

“މަންމާ، އަޅުގަނޑުގެ ބައްޕައަކީ ކާކުކަން އެނގޭތަ؟ ކޮންމެ ފާރދާސް ޑޭއަކު މަންމަ ގާތު އަހާލީމާ ބުނާނެ ބައްޕަގެ ވާހަކަނުދައްކާށޭ….ރީންގެ ބައްޕައެއް ނުހުންނާނެއޭ… މަންމާ، އެއީ ކީއްވެ މަންމަ ބުނާ އެއްޗެއްތަ؟ ކުލާސް ކުދިން ކިޔާ ބައްޕަ ނުހުންނާނީ މަންމަ އާއި ބައްޕަ މެރީ ނުކޮށް ހުރީމައޭ… އެހެންވެތަ ރީންގެ ބައްޕައެއް ނެތީ…”

“މަންމައަށް ހީވަނީ މިހާރު ދަރިފުޅަށް ހުރިހާ ވާހަކައެއް ކިޔައިދޭވަރުވެއްޖެހެން…”

ރޭޝްމާގެ އެ ދުވަހު ބުނި ޖުމްލަތަކުން ޒޫރިންގެ ސިކުނޑި އިތުރަށް ސުވާލުތަކުން ފުރުނެވެ. ހަމައެއާއެކު ޝައުގުވެރި ވެސް ވިއެވެ. ބައްޕައަކީ ކާކުކަން އެނގެން އުޅެތީވެއެވެ. އެހެންނަމަވެސް ޒޫރިން ބޭނުންވި ޖަވާބެއް ނުލިބުނެވެ.

“ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް މަންމައަކަށް ނޭނގޭ…”

“އެއީ ކީއްވެ؟ ބައްޕަ ކޮންތާކަށް ދިޔައީ…ރީން ނުލިބެނީސް ދިޔައީތަ؟”

“ރީން، މަންމަ މިވާހަކަ ބުނީމަ ދަރިފުޅު ވަރަށް ދެރަވާނެކަން އެނގޭ، އެކަމަކު މާކުރިން ވެސް މަންމައަށް އެނގޭ ދަރިފުޅުގެ ތި ސުވާލުތަކާ މަންމައަށް ކުރިމަތިލާން ޖެހޭނެކަން…”

“ނާޒިލްބެ އެއީ ރީންގެ ބައްޕަތަ؟”

“މަންމަ ރީން ގެނައީ ކުޑަކުދިންގެ ހިޔާއިން” މާޒީގެ ހަނދާނުން ބަޔަކަށް ގެއްލިފައި އޮވެ ވެސް ޒޫރިންނަށް ކަންފަތުގައި ދެއަތް އަޅާލެވުމާއެކު އެނދުން ތެދުވެވުނެވެ.

ރޭޝްމާގެ ހެޔޮކަން ޒޫރިން ދުވަހަކު ވެސް ހަނދާނެއްނުނެތޭނެއެވެ. އުމުރުގެ ކުރީކޮޅުގައި އޭނާ މިދުނިޔެއަށް އުފަންވުމަށް މެދުވެރިވި މަންމަ އާއި ބައްޕައަކީ ކޮންބައެއްކަން އެނގެން ޒޫރިން ބޭނުންވިއެވެ. އެހެންނަމަވެސް ރޭޝްމާގެ އޯގާތެރިކަމާ އޭނާދެކެ ވާ ލޯބި އިހުސާސް ކުރެވުމަށްފަހު ޒޫރިންގެ ހިތާއި ސިކުނޑިން އޭނާގެ ހަޤީޤީ މައިންބަފައިން ހޯދުމުގެ ޚިޔާލު ނެރެލިއެވެ. ކުޑަކުދިންގެ ހިޔާއިން ރޭޝްމާ އޭނާ ގެންނަން ޖެހޭނީ އޭނާ ބަލާނޭ އެކަކު ވެސް ނުވުމުންކަން ޒޫރިންނަށް ވިސްނުނެވެ. މިއަދު ޒޫރިން މީހަކަށް ހެދީ ރޭޝްމާއެވެ. އޭނާއަށް މައިންބަފައިންނެތްކަމުގެ އިހުސާސެއް ކުޑަކޮށް ވެސް ވިޔަ ނުދީއެވެ. ޝަކުވާ ކުރާނޭ ފުރުޞަތެއް ނުދީއެވެ.

“އަހަންނަށް މިހާ އުފަލުގައި އުޅުމުގެ ނަސީބު ލިބުނީ ރޭޝްމާ މަންމަ އަހަރެން އެޑޮޕްޓު ކުރީމަ… ތެންކިޔު މަންމާ…” ޒޫރިންގެ ދެއަތްތިލާގައި މޫނު ފޮރުވާލައިގެން އިނދެ ބުނެލިއެވެ.

ގެއަށް އައިސް އީތަން ވަންތަން ސޯފާގައި އިން ރާބިއާއަށް ފެނުނެވެ. ނިކަން ލޯބިން މާމަ ދަރިފުޅަށް އޭނާ ގޮވާލިއެވެ. އެހެންނަމަވެސް އީތަންގެ ޖަވާބެއް ނައެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. ހަމަ އެވަގުތު ކޮޓަރިން ނިކުމެގެން އައި ހަމްރާއަށް ސިޓިން ރޫމަށް ނިކުމެވުނެވެ.

“އީތަން އަތުވެއްޖެ، ވަރަށް ވަރުބަލިވެފައި ހުރިހެން ހީވަނީ، ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަސްވީމަ ކަންނޭނގެ” ރާބިއާ ބުންޏެވެ.

ހަމްރާ އައިސް ރާބިއާ އިށީދެގެން އިން ސޯފާގެ އަނެއްކޮޅުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“ވަރުބަލިވާނެއެއްނު، އެހާ ހެނދުނާ އެކުއްޖާއަށް ތެދުވަންޖެހުނު… ސުކޫލު ނިމުނުފަހުން އޭނާ އެހާ ހެނދުނާ ހޭލި ދުވަހެއް އަޅުގަނޑު ހަނދާނެއްނެތް” ހަމްރާގެ ވާހަކަ ނިމުމާއެކު ރާބިއާ އާއި ހަމްރާ އެކުއެކީ ހީނގަތެވެ.

“ނިދަންކަންނޭނގެ އެވަނީ… ދެން ހޭލާ ގޮތަށް ފިސާރި ކަންތައް ހުންނާނެ… ނޭނގެ ހެނދުނު ސައިބޮއެގެން ދިޔަގޮތަށް އެއްޗެއް ކޭކަމެއް ވެސް” ރާބިއާ ބުނެލިއެވެ. މައިދައިތައާ އެއްބަސްވެލުމުގެ ގޮތުން ހަމްރާ ވެސް ބޯޖަހާލިއެވެ.

ރާބިއާ އާއި ހަމްރާ އަމިއްލަ ވާހަކައެއްގައި ތިއްބާ ގެއަށް އައިސް ދެން ވަންތަން ފެނުނީ އައިދަންއެވެ. އޭނާއާއެކު ޖަލާލު ވެސް ހުއްޓެވެ. ހަމްރާ އާއި ރާބިއާއަށް ގޮވާލުމާއެކު އައިދަން އަހާލީ އީތަން ކޮބާތޯއެވެ. އެއާއެކު ހަމްރާގެ މޫނުމަތިން ވަގުތުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“ކިހިނެއްވީ؟ ކޮޓަރީގައި ވެއްޖެ… އީތަން ކަމެއްކުރީތަ؟” ހާސްވެފައި އިން ހަމްރާ އަހާލިއެވެ.

“ޖޭޒް އުޅުނު އީތަންއަށް ނުގުޅިގެން، އެހެންވެ…” އައިދަން ބުނެލިއެވެ.

“އޮފީހުން އައިގޮތަށް ކޮޓަރިއަށް ވަނީ، ހީވަނީ ނިދަންހެން އެވަނީ” ރާބިއާ އިނދެފައި ބުނެލިއެވެ. އެއާއެކު އައިދަން އިތުރަށް އެއްޗެއް ނުބުނެ ޖަލާލުގެ ކޮނޑުގައި ޖަހާލަމުން ކޮޓަރިއާ ދިމާއަށް ދިޔައެވެ.

ކޮޓަރިތެރޭ ދެކޮޅަށް ހިނގަހިނގާ ހުރި ޖަޒްލާ ކުއްލިއަކަށް ހުއްޓުނުގޮތަށް ހަޅޭލަވައިގަތެވެ. އަދި އަތުގައި އޮތް ފޯނު އެނދުމައްޗަށް ހުރާލިއެވެ.

“ކިހާވަރަކަށް ގުޅިއްޖެ… ފޯނު ނެގެން ނެތިއްޔާ މެސެޖު ވެސް ކުރެވޭނެ… ހަމަ ގަސްދުގައި މަގޭ ކޯލު ނުނަގަންވެގެން، ދެން ހުރެބަލަ އާންސާނުކޮށް… މަވެސް ފޯނެއް ނުނަގާނަން… އޭރުން އީތަންނަށް ހުންނާނީ އެއްޗެއް ވިސްނިފަ”

މޫނު ހަދާލައިގެން ހުރެ ހެނދުން ބަދަލުކޮށްލައިގެން ޖަލްޒާ ދަތުރުދިއުމަށް ގެންގުޅޭ ދަބަސް ނެގިއެވެ. އަދި އޭނާ ބޭނުންވާނެ ސާމާނުތައް އެއަށް އަޅަންފެށިއެވެ. ދަބަސް ތައްޔާރު ކުރެވުމުން އެނދުމައްޗަށް އެއްލާލި ފޯނު ނަގާ ޖަޒްލާގެ އެންމެ ގާތްކޮށް އުޅޭ އެކުވެރިންނަށް ގުޅާލިއެވެ. ރަޙުމަތްތެރިންގެ މެދުގައި ކަމެއް ރާވާލުމާއެކު އަނެއްކާ ވެސް ފޯނު ނަގާ އެނދުމައްޗަށް އެއްލާލިއެވެ. ކޮނޑުގައި ދަބަސް އަޅުވާލުމާއެކު ކޮޓަރިން ނިކުން ޖަޒްލާ އިނާޔާގެ ކޮޓަރިއަށް އައެވެ.

“ބައްޕަ ކޮބާތަ؟ އަދިވެސް ނާދޭތަ؟”

“އަދި ނާދޭ… ކޮންތާކަށް ދާން ތައްޔާރުވެގެން ތިހުރީ، ތިއަށްވުރެ ދިގު ސޯޓެއް ޖަޒްލާއަތުގައި ނެތީތަ؟” އިނާޔާ ދެއްކި އެއްވެސް ވާހަކައެއްގެ އަޑު ޖަޒްލާއަށް އިވުނުކަމަކަށް ނުހެދިއެވެ.

އެނބުރި ކޮޓަރިއަށް ޖަޒްލާ އައިސް ވަނުމާއެކު އެނދުމައްޗަށް އެއްލާލި ފޯނު އަނެއްކާ ވެސް ނެގިއެވެ. މިފަހަރު އޭނާ ގުޅީ ކާމިލުއަށެވެ. ނަމަވެސް ކާމިލު ވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި ޖަޒްލާގެ ފޯނަށް ކާމިލު ފޮނުވީ މެސެޖެކެވެ.

“މިވަގުތުތަ ބައްޕަ ވެސް މީޓިންއަށް ވަންނަންޖެހެނީ، އެޓްލީސްޓު މަގޭ ކްރެޑިޓް ކާޑު ދިންނަމަ” ގޮތް ހުސްވެގެން ޖަޒްލާ އެނދުގައި އިށީނެވެ.

“މިހެން އިނަކަސް އެއްކަމެއް ވެސް ނުވާނެ، ރާމިޒު ކައިރީ ބުނެގެން ބައްޕަމެން އޮފީސް ކައިރިއަށް ދާންވީ ކަންނޭނގެ… ނޫން، އޭރުން ކަމަކު ނުދާނެ… ވަޓް ޓު ޑޫ…. އޯ ގޯޑް… އެއްކަމެއް ވެސް ދެން ރަނގަޅަކަށް ނުވާނެ…”

“ޖަޒްލާ…. ޖަޒްލާ…” އިނާޔާ އައިސް ޖަޒްލާގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ހުޅުވާލިއެވެ.

“ކީކޭ…” އެނދުގައި މޫނު ހަދައިގެން އިނދެ ޖަޒްލާ ބުނެލިއެވެ.

“ބައްޕަ ބުނެގެން މިއައީ، މި ސިޓީ އުރަ ޖަޒްލާއާ ހަވާލުކުރަން….” އިނާޔާ އަތުގައި އޮތް ސިޓީއުރަ ޖަޒްލާއަށް ދިއްކޮށްލިއެވެ.

ސިޓީއުރައިގައި އޮތް ކްރެޑިޓް ކާޑު ފެނިފައި ޖަޒްލާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަވަހަށް އެނދުން ތެދުވެ ދަބަހުގެ ތެރެއިންވޮލެޓު ނަގާ އޭގައި ހުރި ކާޑުތަކުގެތެރެއަށް އަތުގައި އޮތް ކާޑު ވެސް ހިމަނާލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދާން އުޅުނެވެ.

“ރިސޯޓަށް ދޯ ތިދަނީ… ޖަޒްލާއަށް އެބަ އެނގޭތަ ތި އުޅެވޭގޮތެއް، ކާމިލު ބުރަ މަސައްކަތުން ހޯދާ ފައިސާ ޖަޒްލާ ތި ބޭނުންކުރަނީ ކިހިނެއް؟ އަމިއްލައަށް ފައިސާ ހޯދަން މަސައްކަތްކުރަން ނިކުތީމަ އެނގޭނީ ފައިސާގެ އަގު… އަނެއްކާ ތިހިރަ ލާފައި ހުރި ހެދުން… މީހުން ބުނާނެ އެއްޗަކަށް ވެސް ޖަޒްލާ ވިސްނާލަންވެއްޖެއެއްނު، މިހާރު ނޭނގެ ދިހަ އަހަރުގެ ކުއްޖަކު ވެސް ތިވަރުގެ ކުރު ސޯޓު ކޮޅު ލައިގެން މަގުމައްޗަށް ނިކުންނާނެކަމެއް، ތިއަށްވުރެ މާރަނގަޅުވާނެ އޮރިޔާމާ މަގުމައްޗަށް ނިކުތަސް” ޖަޒްލާ ހުރި ގޮތުން އިނާޔާ އެއްގޮތަކަށް ވެސް ހިތްހަމައެއްނުޖެހުނެވެ.

“މިއީ އަދި އޮރިޔާންވުމެއް ނޫނެއްނު، އަހަރެންގެ ފެންނަންނުވާ ތަނެއް އެބަފެނޭތަ… އަބަދު ގޭގެ ހުރެ އަހަރެން ބޯގޮވާފާނެ، އެހެންނޫނަސް ބައްޕަ ބުނެފައެއްނު އޮތީ އަހަރެން ކުރާހިތްވާ ކަމެއް ބުނީމަ އެކަމެއް ކޮށްދޭނަމޭ، އަދިއެއް އަހަރެން ކުރާހިތްވާ ކަހަލަ މަސައްކަތެއް ނުފެނޭ….”

“މިއަދު ޖަޒްލާ ތިއުޅޭ ގޮތުން މަންމަ ލަދުގަނޭ، ތިހެން އުޅެގެން ދުވަހަކު ވެސް ޖަޒްލާ ކުރާހިތްވާ ކަމަކާ ދިމައެއްނުވާނެ، އީތަން ވެސް ވަޒީފާއަށް ދާން ފެށި ވާހަކަ ޖަލާލު ބުނި، ރަނގަޅު މުސްތަޤުބަލެއް ލިބޭނީ ދެމީހުން ވެސް ހަރުދަނާވެގެން، ތިހެން އުޅެންޏާ އީތަން ވެސް ފޫހިވެދާނެ، އޭނާގެ މައިންބަފައިން ވެސް ހިޔެއްނުވޭ ގޮތެއްފޮތެއް ނެތް އަންހެންކުއްޖަކާ އެމީހުންގެ ދަރިފުޅު ގުޅެން ބޭނުންވާނެހެން…”

“އަހަރެން މީ ކުޑަކުއްޖެއްނޫނޭ ކޮންމެފަހަރަކު ބޭރަށް ދާންއުޅޭއިރަށް ތިހުރިހާ ފަތިވަރެއް ދާމާކަށް، ގޮތެފޮތެއް ނެތިގެން އަހަރެން ކުރީ ކޮންކަމެއްތަ؟ އީތަން އެކަންޏެއްނޫން މި ބޮޑު ދުނިޔޭގެ ފިރިހެނަކަށް އުޅެނީ…. އެހެންނޫންނަމަ މަންމަ އާއި ބައްޕަ ވެސް ދިމައެއްނުވީހެއްނު… އަހަރެން ދެން ދަނީ، މަންމަގެ ތި ލެކްޗަރ އަޑުއަހަންޏާ އިތުރަށް އަހަރެންގެ ބޮލުގައި ރިއްސާނީ… ބައްޕަ ގާތު ބުނެދީ އަހަރެން ލަންކަންފުށްޓަށޭ ދިޔައީ، އެކޮޅަށް ދެވުނުހާ އަވަހަކަށް ގުޅާނަމޭ” ޖަޒްލާ އަވަސް އަރުވާލާފައި ކޮޓަރިން ބޭރަށް ދެމިގަތެވެ.

އެ ތަން ބަލަންހުރި އިނާޔާގެ މޫނު އިސްޖަދަށަށް ޖަހާލެވުނީ މަޔެއްގެ ހައިސިއްޔަތުންނެވެ. ދަރިފުޅު ހެޔޮމަގަށް އެޅުވުމުގައި ނާކާމިޔާބުވެފައި ވުމުންނެވެ. މަޑުމަޑުން ޖަޒްލާގެ ކޮޓަރި ލައްޕާލާފައި އިނާޔާ ހިނގައިގަތެވެ.

* * * *

“އިޓްސް ބީން އަ ލޯންގ ޑޭ… އޯ ޝި….” ލޯހުޅުވާލެވުމާއެކު ދެފަރާތަށް ފުރޮޅިލާފައި އެނދުގައި ހަތަރެސްފައި ފަތުރާލަމުން އީތަންގެ ފޯނު ނަގާ ބަލާލިއެވެ.

“ސީޒް ގޮއިންގ ޓު ކިލް މީ…” ޖަޒްލާ ގުޅާފައި ހުރިވަރު ފެނިފައި އީތަންއަށް ބުނެލެވުނެވެ. ފަންސާހަކަށް ފަހަރު ޖަޒްލާ ގުޅާފައި އޮތެވެ. އޭނާ ހުރީ އޮފީސް ނިންމާފައި އައިސް ޖަޒްލާއަށް ގުޅާލާށެވެ. އެހެންނަމަވެސް ވަރުބަލިވެފައި ހުރިވަރުން ނިދުނީއެވެ.

އީތަން ފޯނުން ގަޑި ބަލާލިއިރު ހަތެއްޖަހާ ހިނގައްޖެއެވެ. އެއާއެކު ފުންމައިގެން އެނދުން ތެދުވި ގޮތަށް އީތަން ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނިކުމެ ތައްޔާރުވަމުން ދިޔައިރު ޖަޒްލާގެ ފޯނަށް ގުޅަމުން ދިޔައެވެ. އެހެންނަމަވެސް ރިންގުވެފައި ފޯނު ކެނޑެނީއެވެ. އީތަން ތައްޔާރުވަމުން ދިޔައީ ޖަޒްލާ ފޯނު ނުނަގާނެކަން އެނގޭތީ ކަހަލައެވެ. އަވަހަށް އެގެއަށް ދާން ވެގެންނެވެ. އޭނާ ތައްޔާރުވެލައިގެން އަވަހަށް ކޮޓަރިން ނިކުންއިރު ސިޓިންރޫމުގައި ޓީވީ ބަލަން ސުފިޔާނު އިނެވެ. އަށެއް ޖަހަން ކައިރިވާތީ އޭނާ އެ އިނީ ޚަބަރު ބަލަން އައިސްކަން އީތަންއަށް އެނގުނެވެ. އަވަސް އަރުވާލާފައި ހުރި އީތަންއަށް އޭނާގެ ބައްޕަ ފެނިފައި ވަގުތުން މަޑުޖެހުނެވެ. އަދި މަޑުމައިތިރިކަމާއެކު އިސްޖަހާލައިގެން ހުރެ ސިޓިންރޫމުން ނިކުންނަން ދިޔައެވެ.

“އީތަން…” ސިޓިންރޫމު ދޮރުން އީތަންއަށް ނުނިކުމެވެނީސް ސުފިޔާނު ގޮވާލިއެވެ. އެއާއެކު އީތަން ހުއްޓިފައި އެނބުރުނެވެ.

“ނުވެސް ކައި ދަނީތަ؟ މަންމަ ބުނި އޮފީހުން އައިގޮތަށް އީތަން ނިދާފައޭ އޮތީ، މިރޭ ހުރިހާ ކުދިން އެއްކޮށް ކާމޭޒުދޮށުން ފެންނަން ބައްޕަ ބޭނުން، މަންމަ ފުރުމަށް ޓިކެޓު ހަމަޖައްސާފައި މިއައީ، މާދަމާ ފުރަންކަމަށް…”

ސުފިޔާނު ބުނި އެއްޗަކުން އީތަންއަށް އޭނާގެ އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުނެވެ. މޫނު އަނބުރާލާފައި ބޭރު ދޮރޯށްޓަށް އީތަން ބަލާލީ ދާން ބޭނުންވެފައި ހުރިވަރުންނެވެ. އެހެންނަމަވެސް ސުފިޔާނުގެ އެދުން ބޮލާލާ ޖަހާކަށް އީތަންއަކަށް ނުކެރޭނެއެވެ. އެހެންވެ މަޑުމަޑުން ގޭތެރެއަށް ހިނގައިގަތެވެ.

“އަހާނ! ދަރިފުޅު ހޭލީތަ؟ ހާދަހާ ސެންޓެއް ޖަހާލައިގެން ތިއައީ… މާމައަށް ވަސްދައްކަންތަ؟” އެނދުމަތީ އެއްފައި ދަމާލައިގެން ތަސްބީހަ ހިފައިގެން އިން ރާބިއާ ސާމާސާގޮތަކަށް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލި އީތަންއަށް ބުނެލިއެވެ.

“މާމާ، މަންމަ ފުރަނީތަ؟ ހާދަ އަވަހަކާ… އަދި މީހަކު ވެސް ނުގެނެއެއްނު” ސުފިޔާންއާ ކުރަން ބޭނުން ސުވާލުތައް އާދައިގެ މަތިން އީތަން އައިސް ކުރީ ރާބިއާ އާ އެވެ.

“މާމަ މިހިރީނު އީތަންގެ ކަންތައްތައް ބަލަހައްޓަން، ބައްޕަ ބުނެފަ އޮތީ ގިނަ ދުވަހެއް ނުވެ ދެ ބިދޭސީން ގެއަށް ގެންނާނެކަމަށް، މިވަގުތަށް އައިނީ ވެސް ޗުއްޓީ ނަގައިފި”

އީތަން އިތުރަށް އެއްޗެއް ނުބުނެ ރާބިއާގެ ކޮޓަރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިނެވެ. ދެކަކުލުގައި އަތްއަޅުވާލައިގެން އިން ގޮތުން ރާބިއާއަށް ސުވާލެއް ނުކޮށެއް ނީނދެވުނެވެ. އީތަން ނުބުނި ކަމުގައި ވިޔަސް އޭނާގެ މޫނުމަތިން އިތުރު ވާހަކައެއް ބުނަން އުޅޭ ކަހަލައެވެ. އީތަންގެ ދިރިއުޅުމުގައި އޭނާ ހާސްވެފައި ހުންނާނީ އެންމެ ދެ މީހުނާ ހެދިކަން ރާބިއާއަށް އެނގެއެވެ. އެއީ ސުފިޔާނު އާއި ޖަޒްލާއާ ހެދިއެވެ.

“ބައްޕަ އެއްޗެއް ބުނީތަ؟” ރާބިއާ އަހާލިއެވެ.

“ބޭރަށް ދާން އުޅެނިކޮށް ބުނީ މަންމަ މާދަމާ ފުރަން ހަމަޖެހިފައި އޮތް ވާހަކަ”

“އާނ! އެހެންބުނީމަ މި ހަނދާންވީ، އައިދަން އާއި އައިނީ ގާތު ވެސް ބުނި މިރޭ ގެއިން ކާން މަޑުކުރައްޗޭ… ޖަޒްލާ ކައިރިއަށް ދާން ދޯ އުޅުނީ… ކިހިނެއްތަ އޮފީހުގެ ފުރަތަމަ ދުވަސް ދިޔައީ، ވަރަށް ބުރަތަ؟”

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *