HIMAAYATHE NETHIFAA [Part 3]

ލައިބާ އުނދޯލީގައި އިސްޖެހިފައި އިނީ ދެން ހަދާނެ ގޮތެއް ނޭގި މާޔޫސްވެފައެވެ. އޭނަގެ ސިކުނޑިއަށް ދެންވަނީ އަބަދުހެން މިފަހަކަށް އައިސް އަރާ ހިޔާލެކެވެ. އެއީ އެގެއިން ނުކުމެގެން ދިއުމެވެ.

އުނދޯލީގައި ހިފާ މީހަކު މަޑުމަޑުން ކޮއްޕާލުމުން ލައިބާއަށް ދެފަރާތުގައިވާ އުނދޯލީގެ ވަލުގައި ހިފަހައްޓާލެވުނެވެ. އަދި އަވަސްއަވަހަށް ފަހަތް ބަލާލިއެވެ. އެތަނުގައި ހުރީ ލުބާއެވެ. އޭނަ އައީ ކޮންއިރަކު ކަމެއް ލައިބާއަކަށް ނޭގުނެވެ. އެހެންނަމަވެސް ލުބާއަށް ގޮވާލުމުގެ ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އައިރުޅިވެސް ހިނދިގެންދިޔައީއެވެ. އުނދޯލީގެ ތެރެއަށް ވެއްޓިގަތުމާއިއެކު ފުންނޭވާއެއް ލައިބާ ބޭރުކޮއްލިއެވެ.

“އަހަރެން ދުނިޔެއަށް ގެނައީ އަޒުރާއެއްނޫންތަ؟ އަހަންނަށް އެނގުނު ގޮތުގަ އަންހެނަކާއި ފިރިހެނަކާއި ނުލާ މުދުނިޔެއަށް ކުއްޖަކު އުފަންނުވާނެ……ކީއްވެތަ ބަނޑުގައި އޮތްވައި އަހަރެން މަރާނުލީ؟ ކީއްވެ ލުބާ އެހެން އާއިލާއަކަށް ދީފަ އަހަރެން މި މީހުންގެ ތެރޭ މިގެންގުޅެނީ؟ ހުރިހާ ކަމެއް ދިމާމިވަނީ އަހަންނަށް، އެއީ ކީއްވެ، މިހާރު އެމީހުންގެ ހިތްނުފުރިގެން އަހަރެން އެމުސްކުޅި މީހާ އާއި ދެވަން އެއުޅެނީ، ކީއްވެ، އަހަރެން މިގޭގަ އުޅުނޭ ކިޔާފަ އެމީހުންނަށް ވަނީ ކޮންއުނދަގުލެއް، މިގޭގަ އަޒުރާއަށް އުޅެވެންޏާ މަށަށްވެސް އުޅެވެން ވާނެއެއްނު، އަހަރެން ކިތަންމެ ބޭނުންނުވިޔަސް އަހަރެންގެ ހަށިގަނޑުގަ އޭނަގެ ލޭނުހިނގާ ކަމަކަށް ނުވާނެ…މަރުވަންވީ ކަންނޭގެ، އޭރުންކަންނޭގެ މިހުރިހާ ކަމަކުން ސަލާމަތްވެވޭނީ” ލައިބާގެ މަރާލެވިފައިވާ ދެލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. އޭރުވެސް އަނގައިން ނުބުނެ ލުބާ ބަނބުކެޔޮ ގަހުން ބިމުން މައްޗަށް އަރާފައި ހުރި ބައެއް މޫތަކުން ބައެއްގައި އިށީނދެލައިގެން އިނެވެ. ބަހެއް ނުބުނިކަމުގައިވިޔަސް އޭނަގެ މޫނުމަތީގައިވެސް ކުރިން ހުރި ހިނިތުންވުން ފިލާ ހިނގައްޖެއެވެ. އޭގެ ބަދަލުގައި އެމޫނުމަތިންވެސް ފެންނަނީ ދެރަވެ ލައިބާގެ ހާލާމެދު ހަމްދަރުދީ އުފެދިފައިވާތަނެވެ.

އަރިއަކަށް ބޮނޑިވެ ގަނެގެން އުނދޯއްޔަށް ދެފައި އަރުވާލައިގެން އޮތް ލައިބާ އިރުއޮއްސި އަނދިރިވިއިރުވެސް ގޭތެރެއަށްވަންނަ ހިޔާލެއް ނުކުރިއެވެ. އޭރުވެސް ލުބާ އޭނަގެ ދާދި ގާތުގައި ހުއްޓެވެ. އޭނަ ލައިބާ އާއިމެދު ހަމްދަރުދީވާފަދައިން އޭނަ ކޮއްފާނެކަމަކާއިމެދު ކަންބޮޑުވެސްވެއެވެ. އަމިއްލަ ނަފްސަށް އަނިޔާވާފަދަ ކަމެއްކޮއްފާނެތީ އޭނަ ޖެހިލުންވެފައިވެއެވެ.

“ލައި، ލޯހުޅުވަބަލަ، އަހަންނަށް އެނގޭ މިހުރިހާ ކަމެއް ލައިބާއަށް ދިމާވުން އެއީ އެއްވެސް އިންސާފުވެރިގޮތެއް ނޫންކަން، މިހާދުވަހު ކެތްތެރިވީގޮތަށް ކެތްތެރިވޭ، އަމިއްލައަށް މަރުވާން ހިތައްނާރުވަބަލަ، އެއީ ހައްލުކަމުގައި ނުދެކިބަލަ، އަހަރެން ބޭނުމެއްނޫން ލައިބާ މަރުވާކަށް، އަހަރެންނަށް ތިގޭތެރެއަށް ވަދެވޭނަމަ ލައިބާއަށް ތިހުރިހާ ކަމެއް ދިމާވާއިރު ބަލަހައްޓައިގެން ނުހުރީމުސް” ލުބާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

ހިމޭންކަމާއިއެކު ލައިބާ ވަކިއެއްޗެއް ނުބުނެ ގޮސްވަނީ ގޭތެރެއަށެވެ. މިހާރު ލުބާ ހުއްޓަސް އޭނައަށް ވާނެކަމެއް ނޯންނާނެއޭ ލައިބާއަށް ހީވާކަހަލައެވެ. އެއްޗެކޭ ނުބުނީ އެހެންވެކަންނޭގެއެވެ. ލުބާގަތަށް ރުޅިއައީ ދެނެވެ. އެކަމަކު އެއީ ލައިބާދެކެއެއްނޫނެވެ.

“ވަންނަންވެއްޖެ ދޯ، އަޒުރާ މިގަޑީގަ ގޭގަނެތީމަ ކަލެއަށް އުނދޯލީގަ ބޭނުންއިރެއްވަންދެން ތިއޮވެވުނީ، ލައި، ކޮންވާހަކައެއްތަ އޭރު އަޒުރާ ދެއްކީ” ބޮޑުއަށީމަތީގައި ރައްޓެހިންނާއިއެކު ވާހަކައިގައި އިނދެ ލައިބާ ގޭތެރެއަށް ވަތްތަން ފެނުމުން ޔަޒާން އަހާލިއެވެ

“އޭނަ ބިރެއްވެސް ނުގަނޭތަ؟ ބޭރު ނުވެސް ދިއްލާ ހުރިއިރު އެތާ ގަސްދޮށުގަ އޮވެފަ އެއައީ” ޔަޒާން އާއި ޖެހިގެން އިން އޭނަގެ ރަޙުމަތްތެރިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.

“އެއީ ޖިންނި ކުއްޖެކޭ، އޭނަ ނުގަންނާނެ ބިރެއް” އެހެންބުނެ ޔަޒާން އާއި އޭނަގެ އެކުވެރިން ބާރުބާރަށް ހޭންފެށިއެވެ.

ހިސާބު ނިންމާލާފައި ފިހާރައިން މަނިކުއަށް ނުކުމެވުނީ ބާރަޖަހަނިކޮށެވެ. އޭރު މުޅި ހިސާބަށްވަނީ ހަމަމީންކަންވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. މަނިކު ފިހާރަ ބަންދުކޮއްފައި ގެއަށްދާ މަގުމަތީ ފަނިފަކްސާއެއްގެ އަޑުނޫނީ ނީވޭނެއެވެ. އެކަމަކު މިރޭ އެހެން ރޭރެއާއި ތަފާތެވެ. އެހެނީ މިރޭ ދިރޭއެއްވެސް އެއްޗެއްގެ ހިލަމެއްހާ ހިސާބުވެސް ނުވެއެވެ. ފަޒާގައި ހަރުލާފައިވާ ތެތްފިނިކަމާއި ގުޅިގެން ކަމުގައި މަނިކު ހީކުރިއެވެ. އަދި އުޑުމައްޗަށް ބަލާލިއެވެ. ވާރޭވެހެން އުޅޭކަމުގެ އަލާމާތްތައް ފެނިގެންދިޔައެވެ. އެހެންވެ ހިނގުން އަވަސްކޮއްލީ ކުރީބައިގައި ގެއަށް ވަނުމަށެވެ.

ފަނޑު އަލިކަމުގެ ތެރެއިން ފަޅުވެފައިވާ މަގުގުގައި މަނިކު ހިނގަމުންދިޔައީ ފައިދޮށަށް ބަލަމުން ނުހަނު ބަލައިގެންނެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ އޭނަގެ ކުރިމަތިން ހިނގާފައި އަންނަ އަންހެން ކުއްޖާއަށެވެ. މަނިކުއަށް ވަށައިގެން ހޯދާލެވުނެވެ. ކުރިން އޭނައަށް އެއަންހެންކުއްޖާ ނުފެނުނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެކަމާ ސަމާލުކަމެއް ނުދީ ވާރޭ އައުމުގެ ކުރިން ގެއަށް ދިއުން މުހިއްމު ކަމުގައި އޭނަ ދެކުނެވެ. ކައިރިވަމުން އައިވަރަކަށް އެއަންހެން ކުއްޖާ ލާފައި ހުރީ ކަޅުކުލައިގެ ހަރުވާޅު ހެދުމަކާއި ބޯނިވާކޮއްފައިވަނީ ބުރުގާއަކުންކަން މަނިކުއަށް ފާހަގަކުރެވުނެވެ. އަދި އެއަންހެން ކުއްޖާގެ ގައިގާ ދަންނަ ވައްތަރު ޖެހިއެވެ. ގެއަށްދާން ބޭނުންވެފައި ހުއްޓަސް އެއީ ކޮންއަންހެން ކުއްޖެއްތޯ ބަލާލުމުގެ ޝައުގުވެރިކަން ކުއްލިއަކަށް މަނިކުގެ ހިތުގައި އުފެދިގެންދިޔައެވެ.

މަނިކު ފާރާކައިރިން ދިޔައިރު އެއަންހެން ކުއްޖާ އައީ މަގުގެ މެދާ ކައިރިވާފަދަ ގޮތަކަށެވެ. ކައިރިން އަޅާފައި ދަމުން މަނިކުއަށް އެއަންހެން ކުއްޖާބަލާލަމުން ހިނިތުންވެލިއެވެ. އެއާއިއެކު މަނިކުއަށް ހީވީ ސާދަ ފަނަރައިގެ ހަނދެއްފެނުނުހެންނެވެ. އަލިއަލި ދޮންމޫނެކެވެ. ލޮލުގެ ބެބުޅުން ހާދަހާވާ ޗާލެވެ. ކުރިއަށް ފިޔަވަޅު އަޅަން މަނިކު ހަނދާންނެތުނީ ކަންނޭގެއެވެ. ހުރި ފިޔަވަޅުމަތީ އޭނައަށް ދެތިންމިނެޓު މަޑުކޮއްލެވުނެވެ.

“ލައިބާ….ލައިބާ…” ފަސްއެނބުރި މަނިކު އެއަންހެން ކުއްޖާއަށް ގޮވާލިއެވެ. ތެތްފިނިކަމާއި ފަޅުކަން އެކުލެވިފައިވާ ފަޒާގެ ތެރެއިން މަނިކުގެ އަޑުގުގުމައިގެން ދިޔައެވެ. އެއަންހެން ކުއްޖާ ފަސްއެނބުރިލުމެއްނެތި ހިނގުން މަޑުކޮއްލިއެވެ. އޭނައަށް މަނިކު އޭނަގެ ފަހަތުން އަންނާނެކަން އެނގޭކަހަލައެވެ. މަނިކު ހެދީވެސް އެހެންނެވެ. އަވަސްއަވަހަށް ފަހަތަށް ހިނގައިގަތީ އެއަންހެން ކުއްޖާގެ ގާތަށް ދިއުމަށެވެ.

“ލައިބާ” މަނިކު ބޯގުދުކޮއްލަމުން އެއަންހެން ކުއްޖާގެ މޫނަށް އަނެއްކާވެސް ބަލާލިއެވެ. ޔަގީންކޮއްލާފަދަ ގޮތަކަށެވެ. މަނިކުގެ އަނގައިގާވާ ރަތްކުލައަރާފައިވާ ދަތްތަކާއިއެކު ހިނިއައީ އޭނަގެ ކުރިމަތީގައި ހުރީ ލައިބާއަށް ވީތީއެވެ.

“މިގަޑީގަ ގޭން ބޭރުގަ؟ ކޮންތާކަށް ތިދަނީ، ފިންޏެއްވެސް ނޫންތަ، ހީވަނީ ދެންދެންމެ ވާރޭ ވެހިގެންފާނެހެން” މަނިކުއަށް ލައިބާކަން ޔަގީންވުމާއިއެކު ވާހަކަދެއްކިއެވެ. އެހެންނަމަވެސް ލައިބާގެ މޫނުމަތީގައި ތަފާތުކަމެއް އެކުލެވިފައިވިއެވެ. އޭނަގެ ސުވާލުތަކުގެ ޖަވާބުގައި ލައިބާ ހިނިތުންވެލީއެވެ. މިނޫނީ ދުވަހަކުވެސް ލައިބާ އޭނައަށް ހިތްހެޔޮ ކަމާއި ލޯތްބާއެކު ބަލާވެސް ނުލާނެއެވެ. އަބަދުވެސް ބަލާނީ އޭނައަށް ފިލޭތޯއެވެ.

ލައިބާ އަނެއްކާވެސް ހިނގައިގަތީ ކުރިއަށެވެ. މިފަހަރު މަނިކުއަށް ލައިބާގެ އަތުގައި ހިފާލެވުނެވެ. އަދި ދަނީ ކޮންތާކަށްތޯ އަހާލިއެވެ. ލައިބާ އޭނަގެ އަތް ދަމާލަމުން ކުރިއަށް އިޝާރާތްކުރިއެވެ. މަނިކު ހިޔާލު ކުއްލިއަކަށް ބަދަލުވާންފެށިއެވެ. އޭނަ ލައިބާ އާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލަން ބޭނުންވިއެވެ. އެކަމަށް މިއަށްވުރެ ރަނގަޅު އެހެން ފުރުޞަތެއް ނުލިބޭނެކަން އެނގި ލައިބާ އާއިއެކު ދިޔަސްޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ލައިބާ މިފަހަރުވެސް ވާހަކައެއް ނުދެއްކިއެވެ. ބޮލުގެ އިޝާރާތުން އާއެކެވޭ ބުނެލިއެވެ. އަދި އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި މަނިކުގެ އަތުގައި އަނެއްއަތުން ހިފާ ދުރުކޮއްލަމުން ކުރިއަށް ހިނގައިގަތެވެ. މަނިކު ލައިބާ އާއިއެއްވަރަށް އޭނަ އާއިއެކު ހިނގަމުންދިޔައެވެ. ލައިބާގެ މިސްރާބު ހުރިގޮތުން އޭނަ އެދަނީ އަތިރިމައްޗަށްކަން މަނިކުއަށް އެނގުނެވެ.

ކަޅުފޮއެ ރޭތަކުންރެއަކަށްވެފައި އުޑުމަތިބަނަވެ ވިއްސާރަވިލާތަކުން ދުނިޔެމަތި ބައްދަމުންދިއުމާއިއެކު އަތިރިމައްޗަށްވެސް ވަނީ ކަޅުއަނދިރިކަން ވެރިވެފައެވެ. ދޮންވެލިގަނޑުމަތިން ކަކުންޏެއްހާ ހިސާބުވެސް ހިރިނުލައެވެ. އެކަމަކު ގަދަވަމުން އަންނަ ވަޔާއިއެކު އަތިރިމަތީ ހެދިފައިހުރި ގަސްތަކުގެ ފަތްތައް ތެޅޭއަޑުއިވެމުންދިޔައެވެ. ހިތްހަމަޖެހުމަށްވުރެ ހިތަށްވެރިކުރުވަނީ ބިރުވެރިކަމެވެ. ތަނަށްވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ފަތްތަކުގައި ވައިއެޅުމުންވެސް އިވެނީ ނަމާންއަޑުތަކެވެ.

އަނދިރިކަމުގެ ތެރެއަށް ލޯހޭނެމުންދިޔަ މަނިކުއަށް ކައިރީގައި ހުރި ލައިބާ ކަޅުހެދުމެއް ލައިގެން ހުރުމުން ކުޑަކޮށް އުނދަގޫވިއެވެ. އަނެއްކޮޅުން މާހައުލުވެސް ކަމުނުދިޔައީއެވެ.

“ހިނގާ އަހަރެންގެ ގެއަށްދާން، ހަމަ މިހާ ފިނިވާނެއޭ، އަނެއްކާ މިރޭމީ ފިނިރެއެއް، އިރުކޮޅުން ވާރޭ ވެހިގަތީމަ ހިޔާވާން ވަންނާނެ ތަނެއްވެސް ނުހުންނާނެއެއްނު….” މަނިކުގެ ހިތަށް އުނދަގޫވާވަރުން ބުނެލިއެވެ. އޭނަގެ ހަވަނަ ހިއްސު ކަމެއް އަންގަދޭން މަސައްކަތްކުރާކަހަލައެވެ. ލައިބާ އޭނަގެ ބޮޑުދެލޮލުން މަނިކުއަށް ބަލާލިއެވެ. އަދި މަނިކުގެ މޭގައި ފިރުމާލަމުން އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.

“ކޮންތާކަށް އަހަރުމެން މިދަނީ، މިތާ ގަސްތަކުގެ ތެރެއިން އަހަންނަށް ދަނެއްދޮރެއް ވަތްކެއްނުވޭ” މަނިކުގޮވައިގެން ގަސްތަކުގެ ތެރެއަށް ލައިބާ ވަންނަންފެށުމުން ބުނެލިއެވެ. އެހެންނަމަވެސް މަނިކުއަށް ލައިބާގެ ހޫނުއަތްތިލަ އިޙްސާސްވަމުންދިޔައެވެ. އަދި ފައިގެ ދަށުވެގެން ބިންދިގެންދާ ހިކި ގޮފިކޮޅުތަކުގެ އަޑުއިވެމުންދިޔައެވެ. ކަންބޮޑުވެ ލައިބާއާއި ސުވާލުކުރަންފެށުމުން ކުރިއަށްވުރެ ލައިބާ އޭނައާއި ގާތްވެލިކަން އެނގުނެވެ. އެހެންވެ ދޫބަންދުވެ ހަށިގަނޑުގެ ލޭހޫނުވިކަހަލައެވެ.

ދަންވަރު ދެގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. ލައިބާ ފާހާނާއަށް ވަދެފައި އައިސް އެނދުގައި އޮށޯތެވެ. ގޭތެރޭގެ ހަލަބޮލިކަމާއިއެކުވެސް ލައިބާ މަސައްކަތް ކުރަމުން ދިޔައީ ނިދޭތޯއެވެ. އެކަމަކު އިރާކޮޅު ނިދުމާއިގުޅިގެން ލައިބާގެ ލޮލުން ނިދީގެ އަސަރުވަނީ ފިލާފައެވެ. އެހެންނަމަވެސް އޭނަގެ ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އަޅާލަންވެސް އޭނަ ބޭނުމެއްނުވެއެވެ. އިރުއެރިޔަސް އޭނަ އޮންނާނީ އޭނަގެ އެނދުގައެވެ. އަނެއްކޮޅުން އޭނަގެ ސިކުނޑިވެސްވަނީ ހާސްކަމެއްގެ ތެރޭއެވެ. އެހެންއޮއްވައި ގަދަވައިގެ ތެރެއިން ބަރުވާރޭތިކިތައް އޮއްސާލުމާއިއެކު ޓިނުފުރާޅުން ގޮވައިގަތް އަޑުފައްގަނޑުން ލައިބާ ސިހުނެވެ. އެކަމަކު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެއަޑުން އޭނައަށް ބުނެދޭންނޭގޭ ހިތްހަމަޖެހުމެއް ލިއްބައިދިނެވެ.

“ލައިބާގެ ކައިވެންޏަށް ވަލީދޭން ޖެހޭނީ ޒާންއަށް، ދޭނަންދޯ” އަޒުރާގެ އުނގުގައި އޮތް ޔަޒާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން އަޒުރާ ވާހަކަދެއްކިއެވެ. އޭރު ބޮޑުއަށިމަތީ އެކި ދިމަދިމާލުގައި އެންމެން ނިދިޖެހިފައި ތިއްބެވެ.

“ކައިވެންޏޭ، ކާކާ” ޔަޒާންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ލައިބާއަށްވެސް އެންމެ ފުރަތަމަ އެހަބަރު ލިބުމުން އަހާލެވުނު ގޮތަށް ޔަޒާންއަށްވެސް އަހާލެވުނެވެ.

“މިގޭދޮށުގަ ފިހާރަ ހިންގާ މަނިކުއާ، އޭނަ ހާދަ ރަނގަޅޭ، އަހަރުމެންނަށް އެހާ ހެޔޮ، އެހެންނޫނަސް ލައިބާ އެހެރީ ބޮޑުވެފައެއްނު” އަޒުރާ ބުނެލިއެވެ. ޔަޒާން އަޒުރާ ބުނަމުންދިޔަ އެއްޗަކާއިމެދު ވިސްނަން އޮތެވެ.

“އެއީ ބޮޑު މުސްކުޅިއެއްނު، އޭނަ އާއި ކައިވެނިކުރަން ލައިބާ ގަބޫލުތަ؟” ޔަޒާންއަށް އަޒުރާގެ ވާހަކަ މެދުކަނޑާލަމުން އަހާލެވުނެވެ.

“އޭނަ ގަބޫލުތޯ ބަލަންޖެހޭކަމެއް އަހަރެން ނުދެނަހުރިން، އެހެންނޫނަސް އޭނައަށްވެސް މިހާރު އެނގޭނެ މަނިކު އޭނަގެ ކައިވެންޏަށް ބޭނުންވެގެން އައިކަން، ލައިބާއަށް ޖެހޭނީ އަހަރެން ބުނިހާ ގޮތެއް ހަދަން، މަށަށް ރަނގަޅީ ވީހާވެސް އަވަހަކާ މަގޭ ކުރިމަތިން އޭނަ ދިއުން….” އަޒުރާ އާފުރެލަމުން ބުނެލިއެވެ. ޔަޒާން މަޑުމަޑުން ތެދުވެ އަޒުރާ ހަމަޖެހުލުމަށް ތަންދެއްކިއެވެ.

“އެ މަނިކު އާއި ތިހާ ރުހިގެން ތިއުޅެނީ އޭނަ ކޮންމެވެސް އެއްޗެއް ދިނީމަ ދޯ، ބުނެބަލަ، އޭނަ ކީއްތަ ކޮއްދީގެން ތިއުޅެނީ، އަހަރެން ކައިރީވެސް ބުނެލުން ރަނގަޅު ކަންނޭގެ” ޔަޒާން ބޮޑުއަށީގައި ދެފައި އެލުވާލައިގެން އިނދެ ބުނެލިއެވެ. ޔަޒާންއަށް އަޒުރާގެ ގޮތް ވަރަށް ރަނގަޅަށްއެނގެއެވެ. އަޒުރާ އޭނައަށް އެކަމަކުން ފައިދާއެއް ނުވާގޮތަކަށް އެއްވެސްކަމެއް ނުކުރާނެއެވެ.

“އޭނަ…އޭނަ…މާބޮޑު ކަމެއް ނުކުރޭ” އަޒުރާ އެހެން ބުނެލިގޮތުންވެސް އޭނަ ޔަޒާންއަށް ކަމެއް ފޮރުވާކަން އެނގުނެވެ.

“ލައިބާ ކައިވެނި ކުރަން ވަލީ ނުލިބިއްޖެއްޔާ، ދެން ކިހިނެތްވާނީ…” ޔަޒާން ބުނެލިއެވެ. ޔަޒާން ހީކުރީ އޭނަގެ އެޖުމްލައިން އަޒުރާ ކަންބޮޑުވާނެކަމަށެވެ.

“ކީއްވެ ނުލިބެންވީ، އަހަރެން މިއައީ ވަލީ ދޭނެވަރުގެ މީހަކާއި ވާހަކަދައްކާފައޭ” އަޒުރާ ޔަގީންކަމާއިއެކު ބުނެލިއެވެ. މިފަހަރު ކަންބޮޑުވީ ޔަޒާންއެވެ. ހަގީގަތުވެސް ލައިބާ އެގެއިން ދާނެކަން އަޒުރާގެ ވާހަކައިން ޔަގީންވާތިއެވެ.

“އަހަންނެއްނޫންތަ ވަލީދޭން ޖެހެނީ……….” ޔަޒާން އަނެއްކާވެސް ޔަގީންކޮއްލިއެވެ.

“އާން، އަހަރެން އޭރު އެހެން ބުނީ ޒާން ބުނަނީ ކީކޭތޯ ބަލަންވެގެން، މިހާރު އެނގިއްޖެ ޒާން އެހާ ގަބޫލެއްނޫންކަން މިކައިވެންޏާއި ދޭތެރޭ، އެހެންނު” އަޒުރާ ބުނިއެއްޗަކުން ޔަޒާން ސިހުނެވެ.

“އަހަންނަށް އެނގޭ މަނިކު ކޮންމެވެސް އެއްޗެއް ދީގެންކަން ތިހާވަރަކުން ތިއުޅެނީ، ބުނެބަލަ، ކޮންއެއްޗެއްތަ ދިނީ….ވަރަށް އަގުހުރި އެއްޗެއްތަ؟” ޔަޒާން ފާޑަކަށް ހީލަމުން އަހާލިއެވެ.

“އޭނަ ކޮންމެ އެއްޗެއް ދިނަސް ވަރިހަމައެއްނު، އެކަމާ ޒާން އަކާއި ކޮންކަމެއް، އަހަރެންނޭ ލައިބާ މަނިކުއަށް ދޭން އެއްބަސްވީ” އަޒުރާ ޔަޒާންގެ މައްޗަށް ގަދަވެލާ އުސޫލުން ބުނެލިއެވެ.

ޔަޒާންއަށް މިހާދުވަސް ވީއިރު އަޒުރާގެ ގޮތްއެނގި އޭނަ ސިއްރުކުރާ އެތަށްކަމެއް އޭނަގެ އަނގައިން ނެރޭނެ އެތަށް އުކުޅެއް އޭނައަށް އެނގެއެވެ. އަޒުރާއަށް މާގިނައިރަކު ޔަޒާންއަށް ހަގީގަތެއް ނުފޮރުވުނެވެ. އޭނައަށް މަނިކު ދިން ކުޑަކުޑަ ހަދިޔާގެ ވާހަކަ ޔަޒާން ކައިރީ ބުނެވުނެވެ. އެއާއެކު ޔަޒާން އެފައިސާތައް ބަލަން ބޭނުންވިއެވެ. އަޒުރާ އާއިއެކު އޭނަގެ ކޮޓަރިއަށް ގޮސް އެއީ ތެދެއްތޯ އޭނަ ޔަގީންކުރިއެވެ. އޭނަވެސް ހުރީ އެހާގިނަ ފައިސާ އެއްތަނަކުން ފެނި އަޖައިބުވެ އަންތަރީސްވެފައެވެ. އަޒުރާ އަވަސް އަވަހަށް އަލަމާރިތެރޭ ކުރިންވެސް ފޮރުވާފަ ހުރިގޮތަށް ފައިސާތައް ފޮރުވާލިއެވެ.

ފާހާނާއަށް ވަތްގޮތަށް ނުނިކުންނަން ލައިބާގެ ހިތަށްއެރިއެވެ. އޭރުންވެސް އޭނައަށް ޔަޒާންގެ ފަރާތުން ސަލާމަތެއް ނުވެވޭނެއެވެ. އާދައިގެ މަތިން ކޮންމެ ފަތިހެއްގައި ޔަޒާން ލައިބާ ނިދާފައި އޮތަސް ހޭލައްވާލާ އޭނަގެ ބޭނުން ފުއްދާނެއެވެ. ލައިބާ ފާހާނާ ގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އޭރު ޔަޒާން ފާހާނާ ދޮރުކައިރީ ހުރެ އެތަނުން ނުކުތުމަށް ލައިބާ ކައިރީ ބުނަމުންދިޔައެވެ.

“ކަލޭ މަނިކު އާއި ކައިވެނި ކުރިޔަސް އަހަރެން ބޭނުންކަންތައްތައް ކޮއްދޭންޖެހޭނެ” ޔަޒާން ދޮރުކައިރީ ހުރެ ބުނެލިއެވެ.

އަޒުރާ ޔަޒާން ގާތު އެވާހަކަ ދެއްކީކަން ލައިބާއަށް އެނގުނެވެ. ރަނގަޅު އެއްގޮތްވެސް ނެތެވެ. އެމުސްކުޅި މީހާ އާއި ކައިވެނިކޮއްގެން އެގެއިން ދިޔަޔަސް ޔަޒާންގެ ފަރާތުން ސަލަމާތެއްނުވެވޭނެއެވެ. އަނެއްކޮޅުން އެހާ މުސްކުޅި މީހަކާ ލައިބާ ކައިވެނި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ލައިބާ މަޑުމަޑުން އޭނަގެ ކަރުއެލުވާލަމުން ފާހާނާ ދޮރުގައި އިން ތަންޑުނައްޓާލިއެވެ. ތަންޑުނެއްޓިގެން ދިޔަ އަޑާއިއެކު ޔަޒާން ދޮރުގައި ހިފާ އެތެރެއަށް ކޮއްޕާލިއެވެ. ދޮރުގެ ފަހަތުގައި ހުރި ލައިބާ ދޮރާއެކު ކުއްލިއަކަށް ފަހަތަށް ދިޔައެވެ.

“ކޮންމެ ފަހަރަކު ތިހެން އުޅެން ޖެހޭތަ، އަހަރެން ބޭނުންވެގެން ބުނީމަ ގަބޫލުވީމަ އެހިސާބުން އެނިމުނީނު، ލައިއަށްވެސް އަނިޔާވުން ކުޑަވާނެއެއްނު، އަހަރެންވެސް ބޭނުމެއްނޫނޭ ކޮންމެހެން އަނިޔާކުރާކަށް…” ޔަޒާންއަށް ފާހާނާގައި ހުރި ލައިބާ ފެނުމުންބުނެލިއެވެ.

“އަހަރެން ގަބޫލުނުވާކަން އެނގޭއިރު ކަލޭ މަށާ ދުރުގަ ހުންނަންވެއްޖެއެއްނު، އަހަރެން މިއިން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫނޭ….ކަލޭ މިގޮތަށް އުޅެން މިގޭގަ އަޒުރާ އެހެރީނު، އެވަރުން ނުވަނީތަ، ހަމަ ކޮންމެ ރެއަކު މަށަށް އުނދަގޫއެބަ ކުރެޔޭ” ލައިބާ ފާހާނާތެރޭ ނުނިކުންނަން ކަހަލަ ގޮތަކަށް ހުރެ ވާހަކަދެއްކިއެވެ. އެއަޑުގައި ނަފުރަތާއި ރުޅިވެރިކަން އެކުލެވިފައިވިއެވެ.

“ކަލޭ މަނިކުއާއި އިންނަންވާއިރަށް ރަނގަޅު ހަދިޔާއެއް މަވެސް ދޭނަން” ޔަޒާން ލައިބާގެ އަތަށް ދަމައިގަންނަމުން އޭނަ ފާހާނާއިން ނެރުނެވެ. އޭނަ އާއި އަޒުރާގެ ގުޅުމުގެ ވާހަކަ ލައިބާ ގޮވާލާ ކޮންމެ ފަހަރަކު ރުޅިއާއިގެން އޭނަގެ މޫނު ރަތްވެގެންދެއެވެ. އެވާހަކަތައް ލައިބާ ޔަޒާންއަށް ބުނުމުގެ ބޭނުމަކީ އެއީއެވެ. އެކަމުގެ ސަބަބުން ޔަޒާންއަށް ނުތަނަވަސްކަން ލިބޭތީއެވެ. ހީވާގޮތުން އެއީ އޭނަ ލައިބާގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ވާހަކައަކެވެ. ޔަޒާން ލައިބާއަށް ބާރުފޯރުވަމުންދިޔައެއް ކަމަކު އޭނަ ދެކޮޅު ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރިއެވެ.

ހެނދުނު ދިހައެއްޖަހައިގެން ދިޔައިރުވެސް ގޭތެރެއިން އަޒުރާ އާއި ޔަޒާންގެ ހަބަރެއްނުވެއެވެ. ލައިބާ ބަދިގެ ފަރާތުގައި އެއްޗެހި ހޫނުކުރުމާއި މެންދުރަށް ކާއެއްޗެއް ތައްޔާރު ކުރުމުގައި އުޅެއެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް ގޭދޮށުގައި އަޑުގަދަހެން ހީވެ ލައިބާ ދޮރުކައިރިއަށް ނުކުތެވެ. އޭރު ފަސްވަރަކަށް މީހުން އެގޭ ފާރާއި ހައްވަދައިތަމެންގޭ ފާރާޖެހުނު ހިސާބުގައި ތިއްބެވެ. ހައްވަދައިތަވެސް ފާރުބުރި ކައިރީ އެމީހުން ދައްކާ ވާހަކައެއް އަޑުއަހަން މަޑުކޮއްލައިގެން ހުއްޓެވެ. މަނިކު ފިހާރަ ނުހުޅުވާކަން ލައިބާއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް މަނިކުގެ މަތިން ހަނދާންވުމާއިއެކު ވީފޫހިން އޭނަ އަނެއްކާވެސް ވަނީ ގޭތެރެއަށެވެ. އަދި އޭނަގެ އާދައިގެ މަސައްކަތަށް ރުޖޫއަވިއެވެ.

ރަށުތެރޭ ވާހަކައެއް ފެތުރޭކަށް މާގިނައިރެއްނުނެގިއެވެ. އަޒުރާ ގޭންނިކުތީ އާދައިގެ މަތިން ހަވީރު ފިންޏަށް އަވިނިވާލިފަހުންނެވެ. ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް އަޒުރާގެ ކަންފަތާއި ހަމައަށް ފޯރީ އެވަގުތުއެވެ. އޭނައަށް ތެޅިގަނެވުނެވެ. އަދި އަވަސް އަވަހަށް ހުރިތަނުން ގެއަށް އައެވެ. އެންމެ ފުރަތަމަވެސް އޭނަބެލީ އޭނަގެ އަލަމާރީގައި ފޮރުވާފައި ހުރި ރުފިޔާތަކަށެވެ.

“ބާކީބައި ދޭނެކަމުގެ ޔަގީންކަން ދީފަ…” އަޒުރާއަށް ރުފިޔާތައްނަގާ މޭގައި ޖައްސާލެވުނެވެ. އަދި ރަށުތެރޭ ދެކެވޭ ވާހަކައަކީ ތެދެއްބާއޭ ހިތަށްއެރިއެވެ. އަވަސް އަވަހަށް ރުފިޔާތައް ހުރިގޮތަށް ބަހައްޓާފައި އަލަމާރި ލައްޕާތަޅުލުމަށްފަހު އޭނަ ބޭރަށް ނުކުތީ ކަމުގެ ހަގީގަތް އޮޅުންފިލާތޯއެވެ.

“ތިހިރަގޭ އާސިޔަތު ބުނި، މަނިކުގެ ދަރިބުންޏޯ ކިޔާފަ، އޭނަ މިތާ ކައިރިއޮންނަ ފަޅުރަށަށް ދިޔައީކަމަށްވެދާނެއޯ، އެކަމަކު ވަރަށް މަދުންނޫނީ ނުބުނެ ނުދާނެއޯ، އޭނަގެ ދަރިއާއި އަންހެނުން އެހާ ހާސްވެގެން އުޅޭހެންނެއް ހިޔެއްނުވޭ…” ހައްވަދައިތަ ޖޯލީގައި އިނދެ އަޒުރާއަށް ބުނެލިއެވެ.

“ދެން އޭނަ ހޯދަން އައީ ކީއްކުރަންށޯ؟ ބައެއްމީހުން އެބަ ކިޔާ މަނިކު ދިޔަތަނެއް އޭނަގެ ދަރިއަށްވެސް ނޭގެއޭ، މަނިކު އުޅެނީ ވަކިންނޯ” އަޒުރާ ހައްވަދައިތައަށް އެނގިފައިވާ އެއްޗެއް އޮޅުންފިލުވަން މަސައްކަތްކުރަމުންދިޔައެވެ.

“ނޭގެ އެއްގޮތަކަށްވެސް ތިކަމުގެ ހަގީގަތެއް، މަނިކުގެ ދަރިމީހަކާއި އިނދެގެން އުޅެނީ ވަކިން ގެއެއްއަޅައިގެން އެގޭގަ، މަނިކު އުޅެނީ އަދިވެސް އޭނަގެ ގޭގައި، ކޮންމެ ރެއަކު ފިހާރަ ނިންމާފަދަމުން އެސޮރުކައިރިއަށް ވަދެފަޔޯ ދާނީ، އެކަމަކު ރޭގަ ނާދެޔޯ، އެމީހުން ހީކުރީ ވިއްސާރަވީމަ މަނިކު ގެއަށް ދިޔައީކަމަށް، އެކަމަކު ގެހުރީ ތަޅުލާފަކަމަށްވަނީ، ދެން އެމީހުން އެތިބީ މަނިކު އޭނަގެ ނަންމައްޗަށް އޮންނަ ފަޅުރަށް މިއޮތީނު މިތާކައިރީ، އެރަށަށް އޭނަ ދިޔައީ ކަމަށް ހީކޮށް، އެމީހުން ބުނަނީ ދެދުވަހެއް ތެރޭ އެންމެ ލަސްވެގެން އޭނަ ރަށަށް އަންނާނެކަމަށް، ކުރިންވެސް ދެފަހަރަކު އެގޮތަށް މަނިކު ނުބުނެ އެރަށަށް ގޮސްފައިވާކަމަށް…އަޒުރާ މިހުރިހާ ކަމަކާ ތިހާ ޝައުގުވެރިވެގެން ތިއުޅެނީ ކީއްވެތަ؟” ހައްވަދައިތަ ހުރިހާ ވާހަކައެއް ކިޔާދީ ނިމުމާއިއެކު ސުވާލުކޮއްލިއެވެ.

“ކަމެއްނުވޭ، އަހަރެން ހީކުރީ އެމަނިކު ވީނުވީއެއް ނޭގި ގެއްލުނީކަމަށް، މިރަށުގަ އަދި އެކަހަލަ ކަމެއްނުވެއެއްނު ދޯ ހައްވަދައިތާ، އެންމެ ގަދައަށް މިރަށުތެރޭ ދެކެވުނު ވާހަކައަކީ އެކޮޅުއަވަށު އާދަނުގެ އަންހެނުން ދަންޖެހިގެން މަރުވިވާހަކަ، އޭގެ ފަހުން ކަމެއްނުހިނގާތާ” އަޒުރާ އޭނަގެ ހާސްކަންފޮރުވަން މަސައްކަތްކުރަމުން ބުނެލިއެވެ.

ހައްވަދައިތަގެ ވާހަކައަޑުއިވި އަޒުރާއަށް ކުޑަނަމަވެސް ހަމަޖެހުމެއްލިބުނެވެ. އެހެންނަމަވެސް އޭނައަށް ފުރިހަމަކާއިއެކު ހަމަނޭވާލެވޭނީ މަނިކު ލައިބާ އާއި ކައިވެނިކޮށް އޭނަ ދޭންބުނި ފައިސާއެއްކޮށް ދީނިމުނީމައެވެ. ދުވަހުގެ ބާކީ އޮތް ހުރިހާ ވަގުތެއް އަޒުރާ ވޭތުކުރީ މަނިކުގެ ހިޔާލުގައެވެ.

ވަގުތު ކައިރިވުމާއިއެކު ޝިޔާޒު ސައިކަލުގައި ނުކުތީ އަޝްހަރު ހުރިތަނަކުން އޭނަ ގޮވައިގެން އަޒުރާމެންގެއަށް ދިއުމަށެވެ. ވެހެމުންދިޔަ ހިމަފޮދުވާރެއިން އޭނައަށް އެއްވެސް ކަހަލަ އުނދަގުލެއްނުވާތީ އެކަމަށް އެއްވެސް ފަރުވާލެއްނެތެވެ. ވަށައިގެން އަނދިރިކަން ވެރިވެފައިވިއެއްކަމަކު ސައިކަލުގެ ހެޑްލައިޓުން މަގަށް އަލިކުރަމުންދިޔައެވެ. އަޝްހަރު އެވަގުތު ހުރީ އޭނަގެ ގޭގައި ކަމަށްވުމާއިއެކު ޝިޔާޒުގެ މިސްރާބުވެސް ހުރީ އެގެއަށް ދިއުމަށެވެ. އެހެންނަމަވެސް އޭނައަށް ސައިކަލުގައި ދުއްވެމުންދިޔައީ ހަމައެއްމަގުތަކަކުންކަން ފާހަގަ ކުރެވުނީ ތިންފަހަރުމަތިން ރަށު އަންހެނުން ބަށިކުޅޭ ހުސްބިން ފެނުމުންނެވެ. ކުއްލިއަކަށް މަގަށް ސަމާލުކަން ދޭންފެށިއެވެ. އެކިމަގުތައް އަޅައިގެންވެސް ޝިޔާޒުއަށް އާދެވެނީ ހަމައޭނަ ސައިކަލުގައި ނައްޓާލި ހިސާބަށެވެ. މިވާގޮތެއް އޭނައަށް ނޭގުނެވެ. އާދައިގެ ކަމެއްނޫންކަން އޭނައަށްވެސް އެނގެއެވެ. އަވަސް އަވަހަށް ޖީބުގައި އޮތް ފޯނުނެގިއެވެ. އިތުރު ހައިރާންކަމެއްވެރިވެގެންދިޔައީ ފޯނު ނިވިފައި އޮތުމުންނެވެ.

“ގައިމު އަހަރެން ފޯނު ޗާރޖަށް ޖަހާފަ ބާއްވާފަ މިއައީ ހިފައިގެން، އަނެއްކާ ރަނގަޅަށް ބަލާނުލެވުނީބާ، މިރޭ މިޖެހުނީ ކިހާވަރުގަދަ ކަމެއް” ޝިޔާޒުއަށް ހަދާނެގޮތް ހުސްވުމުން ބުނެލެވުނެވެ. އަދި ވަށައިގެން އޭނަ މަޑުކޮއްލައިގެން ހުރި މަގަށް ބަލާލެވުނެވެ. އެއީ އާމުކޮށް އޭނަ ދުއްވާމަގެވެ. ދެން ނުދެވިގެން މިއުޅެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އަނެއްކާވެސް ސައިކަލު ދުއްވާލީ ކުރިއަށް ދިއުމަށެވެ. ޝިޔާޒުއަށް ދެންވެސް ކަމެއްފާހަގަ ކުރެވުނެވެ. ދިހައެއް ޖަހާލާހާ އިރު އަދި މީހުން މަގުތަކުން ހުހެއްނުވާނެއެވެ. އެކަމަކު މިރޭ ޝިޔާޒު އާއި ހަމައެކަކުވެސް ދިމައެއްނުވެއެވެ. އެންމެންތައް ފިނިބޮޑުވެގެން ގޭތެރެއަށްވަދެ ރަޖާލީކަންނޭގެއެވެ. ޝިޔާޒު އަތުގައި ފޯނުބާއްވައިގެން ސައިކަލު ހުންގާނު އަނބުރާލަން އުޅުނުވަގުތު އަތުގައި އޮތް ފޯނުވެއްޓުނެވެ. ވަގުތުން ބުރެކި ޖައްސާލުމާއިއެކު ސައިކަލު ހަރުވެސް ޖައްސާލިއެވެ. ފޯނު ވެއްޓުނު ގޮތަށް ކަވަރާ ބެޓެރިވަކިވެގެން ދިޔައެވެ.

ޝިޔާޒު އަވަސް އަވަހަށް ސައިކަލުން ފައިބާ ފޯނުގެ ބައިތައްނަގާ ގުޅުވާލިއެވެ. އަދި ފޯނު އޮންކޮއްލަމުން އަނެއްކާވެސް މަގަށް ނަޒަރު ހިންގާލިއެވެ. ޝިޔާޒުގެ ހިތަށް ހައިރާންކަމަށްވުރެ ބޮޑަށް ވަނީ ބިރުވެރިކަމެވެ. އޭނައަށް ސައިކަލު ޕާކުކޮއްލައިގެން ހުރެވުނީ ސަހަރާކައިރީގައެވެ. އަތުގައި އޮތް ފޯނާއެކު މޫނުގައި ދެއަތްއަޅާ ލޮލުގައި އަތްހާކާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލަމުން ލޯހުޅުވާ ބަލާލީ ދެވަނަ ފަހަރަށްވެސް އޭނައަށް ފެނުނީ ރަނގަޅަށްތޯ ޔަގީންކުރުމަށެވެ. އާއެކެވެ. އަދިވެސް އޭނައަށް ހުރެވުނީ ސަހަރާފާރުކައިރީ ސައިކަލު މަޑުކޮއްލައިގެންނެވެ. ވެހެމުންދިޔަ ތުނިތުނި ވާރޭގެ ސަބަބުން ދުރުދުރަށްދަންދެން ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޝިޔާޒުގެ ހިތް ބާރަށް ތެޅުމާއިއެކު ހަރަކާތް އަވަސް ވިއެވެ. އޭރުވެސް އަތުގައި ފޯނު އޮތެވެ. ދެން ބެލީ އަނެއްކާވެސް އަޝްހަރުއަށް ގުޅޭތޯއެވެ. އެހެންނަމަވެސް އޭނަ ފޯނެއްނުނެގިއެވެ. ޝިޔާޒު ސައިކަލަށް އަރާ ދުއްވަން ހުއްދަދީފައިވާ ބާރުމިނަށްވުރެ މަތީދުވެއްޔެއްގައި ސައިކަލު ދުއްވާލީ އަނެއްކާވެސް އަޒުރާމެންގެއަށް ދިއުމަށެވެ. އެހެނަސް އެކަން ޝިޔާޒުއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ދެންވާންފެށިގޮތަކީ އަޅާލާ ކޮންމެ މަގެއްގެ ކަންމަތީ ޝިޔާޒުގެ އަންހެނުން އެބަހުރެއެވެ. ފެންނައިރަށް ޝިޔާޒުއަށް ގޮވާލައެވެ. މިކަމަކާހެދި ޝިޔާޒު ބިރުގަތްވަރުން ދެންބެލީ އެނބުރި އޭނަގެ ގެއަށްދެވޭތޯއެވެ.

ގެއަށް ވަދެވުމާއިއެކު ޝިޔާޒު އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އަދި އެހިސާބުން އޭނައަށް ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔެންފެށުނެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ހޮޅިބުރި ދިއްލާލީ ވެރިވެފައިއޮތް އަނދިރިކަމުން ސަލާމަތްވުމަށެވެ. ޝިޔާޒު ބިރުގެންފައި ހުރިވަރުންނެވެ. މުޅި ކޮޓަރިތެރެ އަލިވެގެންދިއުމުން ޝިޔާޒުއަށް އެނދުގައި ދަރިފުޅާއެކު ނިދާފައި އޮތް އޭނަގެ އަންހެނުން ފެނުނެވެ. އޮތީ ގަދަ ނިދީގައެވެ. އެނދުގެ ފައިލާ ކޮޅުގައި އިށީނދެލުމަށްފަހު އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ޝިޔާޒުއަށް އިރުއަރާ އޮއްސޭފަދައިން މިރޭ އޭނައަށް އެފެނުނީ އޭނަގެ އަންހެނުންގެ ސިފަޖެހިގެން ހުރި މަޙުލޫގެއްކަމާއިމެދު އެއްވެސް ޝައްކެއްނުކުރެއެވެ. ކުއްލިއަކަށް އެހާ ކައިރިން ފެނުމާއިއެކު ކޮންމެ ފަހަރަކު އޭނަގެ ނަމުން ގޮވާލާތީއެވެ. ޝިޔާޒުގެ އަންހެނުން އޭނައަށް ދުވަހަކުވެސް ގޮވާފައެއް ނުވެއެވެ. ގޮވާލާނީ ކިހިނެތްހެއްޔެވެ. އޭނަގެ އަންހެނުން އަފާފްއަކީ އުފަންވިއިރުވެސް މަންމަނެކެވެ. އޭނަ އަފާފް އާއި ކައިވެނި ކުރީ ކުޑަކޮށްވެސް ލޯބިވެގެންނެއްނޫނެވެ. އަމިއްލަ ފައިދާއަށްޓަކައެވެ. އެހެނީ ރަށުގައި ހުރި އެންމެ ބޮޑުވިޔަފާރިވެރިއާއަށް ވުމުގެ ބޭނުމުގައި އޭނަ ކުރި ކައިވެންޏެކެވެ. އެކަމަކު މިހާރު އޭނަ އަފާފްދެކެ ލޯބިވެއެވެ. ދަރިފުޅުދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އަޒުރާގެ ކަންތައްތައް އަފާފްއަށް އެނގެން ބޭނުންނުވަނީވެސް އެހެންވެއެވެ. ކުއްލިއަކަށް ޝިޔާޒުއަށް މީގެ ކުރިން ދުވަހަކުވެސް ވިސްނާލެވިފައިނުވާފަދަ ފުންވިސްނުމަކާއިއެކު އެނދުގައި އޮތް އަފާފްއަށް ބަލާލެވުނެވެ. ދަރިއަކު ލިބުމުގެ ސަބަބުން ހަށިގަނޑުގެ ރޫފަ ރީތިވެލައިފައިވެއެވެ. ދުވަހަކުވެސް ޝިޔާޒުއަށް ރުޅި މޫނު ދައްކައިގެން ނުހުރެއެވެ. ކޮއްދޭ ކޮންމެ ކަމެއްގައި އެއީ ކިތަންމެ ކުޑަކުޑަކަމެއްކަމުގައިވިޔަސް ލޯތްބާއި އޯގާތެރިކަން އެކުލެވިފައިވެއެވެ. އަފާފްއަށް ގެއްލިފައި އިން ޝިޔާޒު ސިހުނީ ފޯނު ރިންގުވިއަޑަށެވެ. އޭނަ ފޯނަށް ބަލާލަމުން ރިންގުވާއަޑު ކަނޑާލިއެވެ. އަދި ފޯނަށް ބަލަހައްޓައިގެން އިނެވެ.

“ނޭނގެ މަށަކަށް، އޭނަ ފޯނެއްވެސް ނުނަގާ، އަޒޫ ގުޅަންވީނު” އަޝްހަރު ބުނެލިއެވެ. އަޒުރާ އޭނަގެ ފޯނުނެގުމަށްފަހު ޝިޔާޒުއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ޝިޔާޒުއާއި ގުޅުނެއްކަމަކު އޭނަ ފޯނެއްނުނެގިއެވެ. އެކަމާ އަޒުރާ ކަންބޮޑުވިއެވެ. ޝިޔާޒުއަށް ނާދެވެންޏާ އެވާހަކަ އޭނަ ބުނާނެއެވެ. ނާދެވޭނެ ސަބަބު ބުނެދޭނެއެވެ. އޭނަ ނައެއްކަމަކު ގޭތެރޭގައި އެހެންޏާވެސް ހިނގާ ހުރިހާކަމެއް ހިނގަމުންދިޔައެވެ. ފަތިސްވުމާއިއެކު ޔަޒާންގެ އުނދަގޫ ލައިބާއަށްވެސް ކުރިމަތިވިއެވެ. ޝިޔާޒު ނައުމާއިއެކު އަޒުރާބެލީ ވީހާވެސް ބޮޑަކަށް މަސްތުވެވޭތޯއެވެ.

އިރު އޭގެ ވާޖިބު އަދާކުރާފަދައިން ލައިބާވެސް ބެލީ އޭނައަށް ދިމާވަމުންދާ އަނިޔާވެރިކަމަށް ކެތްތެރިވެވޭތޯއެވެ. ގަދަހަނގުރާމައެއް ކުރަމުންދާ ފަހުލަވާނެއްފަދައިން އަދިވެސް ފަނޑުނަމަވެސް އުއްމީދުތަކެއްވެއެވެ. އެގޭގެ ނުބައިކަމުން ސަލާމަތްވެވެން އޮތް ގޮތެއް ހޯދަން އޭނަވެސް ބޭނުންވެއެވެ. އެއީ އެގޭން ނުކުމެގެން ދިއުންކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެހެންނަމަވެސް ހަފްތާއެއް ވޭތުވެގެން ދިޔައިރު ރަށުތެރޭގައިވެސް ދުވަހަކުވެސް މީހުން ނުދައްކާފަދަ ވާހަކަތައް ދެކެވެންފަށައިފިއެވެ. އަނެއްކޮޅުން ލައިބާއަށް އަނެއްކާވެސް ހޮޑުލެވެންފެށިއްޖެއެވެ. ހެނދުނުގަޑީ ބޯއެނބުރުމާއި އަބަދުވެސް މޭނުބައިކޮއްފައި ހުންނަކަން ފާހަގަ ކުރެވެންފެށިއެވެ. މިފަހަރު ލައިބާއަށް މިވަނީ ކިހިނެތްކަން އެނގުނެވެ. އަދި އެކަން ސިއްރުކުރަން އޭނަ ބޭނުންވިއެވެ. އެކަން އިނގޭ މީހަކަށް ހަމައެކަނި ހުރީ ލުބާއެވެ. ލައިބާ ރަށުތެރޭ ދެކެވޭ ވާހަކަތަކާއި ގުޅިގެންވެސް ލުބާއާއި ސުވާލުކުރެއެވެ. މިހާރު އެއްއަޑަކަށް ރަށުތެރޭ ދެކެވެމުންދަނީ މަނިކު ގެއްލިގެން އުޅޭ ވާހަކައެވެ. އޭނަގެ ގެއަށް ނާންނަތާ ފޯނުންވެސް ދިމައެއްނުވިއެވެ. ރަށު އޮފީހުން ބަޔަކާއިއެކު ރައްޔިތުންގެ ތެރެއިން ބަޔަކު އޭނަގެ ނަންމައްޗަށް އޮންނަ ފަޅުރަށަށް ގޮސް ހޯދި ހޯދުމުގައި އެތަނަށް މަނިކު އައިކަމުގެ އެއްވެސް ނިށާނެއްފެންނަންނެތޭވަނީ ބުނެފައެވެ. ރަށުގެ ގަސްބޯ ސަރަޙައްދުތަކަށްވެސް ރައްޔިތުން ބައިބަޔަށް ގޮސް ހޯދާހޯދާވެސް ވަނީ ނުފެނިފައެވެ. މިހަބަރަކީ ހިތާމަވެރި ޚަބަރެއްކަމުގައިވިޔަސް ލައިބާއަށް އެޚަބަރުން ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

“ރަނގަޅު އެމުސްޅި މީހާގަނޑަށް ވީގޮތް…..ނޫންތަ ލުބާ، މަ އެބަ އުޅެންވިއްޏަ އޭނަ އާއި އިންނަންވެގެން” ލައިބާ ބިންގަނޑުގައިވާ ހިރަފުސްކަން ކުޑަކުރުމުގެ ގޮތުން ފެންޖަހަމުން ކައިރީގައި ހުރި ލުބާއަށް ބުނެލިއެވެ. ލުބާ ހަމައެކަނި ހިނިތުންވެލީއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުންޏެވެ.

ރަށުތެރޭގައި ހިނގަމުންދިޔަ ކަންތައްތަކާއި ގުޅިގެން ޝިޔާޒުއަށްވެސް ވަނީ ބަދަލުތަކެއް ގެނުވައިފައެވެ. އޭނަ މިހާރު އަޒުރާމެންގެއަށް ދިއުމަށް ބިރުގަނެއެވެ. އެހެނީ އެގެއަށް ދާން އޭނަ އުޅެފިނަމަ އޭނައަށް އެކިއެކި އާދަޔާއި ހިލާފު ބުއްދިގަބޫލުކުރަން ދަތިވާފަދަ ކަންތައްތަކާއި ދިމާވަނީއެވެ. މަނިކުގެ ގޮތްވެސް ޝިޔާޒުއަށް ކޮންމެވެސް ވަރަކަށް އެނގިފައިވެއެވެ. އޭނަ ތަފާތު އެއްޗެހި ހިފައިގެން އަޒުރާގެ ގާތަށް ދާކަން ޝިޔާޒުއަށް އެނގެއެވެ. އޭނަވެސް ގެއްލިގެން އެއުޅެނީ ހަމަކުއްލިއަކަށެވެ. އެއްވެސް މީހަކަށް އޭނަ ދިޔަތަނެއްނޭގެއެވެ. މުޅިރަށް ހޯދުނުއިރުވެސް މަނިކުގެ އިޝާރާތެއްކީއްކުރަން އޭނަގެ ނިޝާނެއްވެސް މީހަކަށް ނުފެނުނެވެ. ޝިޔާޒު އަދިވެސް އަޒުރާމެންގޭ ބަނބުކެޔޮގަހުން އަރައިގެން ދިޔަ އަލިގަނޑުމަތިން ހަނދާންހުރެއެވެ. އަޒުރާމެންގެއަކީ ޝިޔާޒުދެކޭ ގޮތުގައި ނާމާންގެއެކެވެ. އޭނަ މިހާރު އަޒުރާގެ އެއްވެސް ފޯނުކޯލަކަށް ޖަވާބެއްނުދެއެވެ. އެދެމެދުގައި އޮތް ގުޅުން ކަނޑާލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ޝީޔާޒުދެކެވެ.

އަޒުރާ ދުވަހަކުވެސް ކަންބޮޑުނުވާވަރަށް ކަންބޮޑުވެފައިވެއެވެ. އޭނަގެ ކަމަކީ މީސްމީހުން ކައިރިން ޚަބަރު އޮޅުންފިލުވުމެވެ. މަނިކުއަށް ވީގޮތާއިމެދު އޭނަވަނީ ސުވާލު އުފެދިފައެވެ. އަނެއްކޮޅުން ޝިޔާޒުގެ ޚަބަރެއްވެސް ވަނީއެއްނޫނެވެ. ދުވަހަކުވެސް ޝިޔާޒު ހޯދަން އެގޭދޮށަށް ގޮސްފައިނުވާތީ އަޒުރާއަށް އެހެން ހަދާކަށް ނުކެރުނެވެ. އެންމެ ކައިރިން އަޝްހަރު ނޫނީ ޝިޔާޒުގެ ޚަބަރެއް ގެނެސްދޭނެ މީހަކު އަޒުރާއަކަށްނެތެވެ. އެހެނަސް އަޝްހަރުއަށްވެސް ޝީޔާޒުގެ ޚަބަރެއްވީކަމަކަށް ނުވިއެވެ. މަނިކު ލައިބާގެ ކައިވެންޏަށް އެނދިގެން އައިދުވަހު އަޒުރާ ހީކުރީ ދެން އޭނަގެ ދިރިއުޅުން މިހިސާބުން ރަނގަޅު  ހާލަތަކަށް ބަދަލުވީކަމަށެވެ. އޭނަގެ ދިރިއުޅުމަށް ބަދަލުއައިއިރު މިއައީ ރަނގަޅުގޮތަކަށްނޫނެވެ. މަނިކު ގެއްލި ޝިޔާޒުވެސް ގެއްލުނީއެވެ. އޭނައަށް ފައިސާލިބުމުގެ ދެދޮރު ބަންދުވީއެވެ. އާދަނު ގާތަށް ދިއުންވެސް އަޒުރާ ހުއްޓާލީ އަމިއްލައަށެވެ. އެއީ އޭނަ އިންނަން އެހުމާއި ގުޅިގެންނެވެ. އަޒުރާ ދެން އިތުރަށް މީހަކާއި ކައިވެނި ކުރާކަށް ބޭނުމެއްނުވެއެވެ. އޭނަގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

“ފޯނު ނުނެގުން އެއީ ހައްލެއްނޫން، ރީތިކޮށް ބުނީމަ ނިމުނީ ދެން އަހަރެންދެކެ ފޫހިވީއޭ” ރުޅިވެރިކަމާއިއެކު އަޒުރާ ބުނެލިއެވެ. އޭރު އޭނަ އާއިއެކު އޭނަގެ ކޮޓަރިތެރޭ ނަދީމާ އާއި ހިޝްމާ އިނެވެ.

“ޝިޔާޒު ވަރަށް ހެއްވާ، މަވެސް ހިއެއްނުކުރަން، މިއޮއްހުރިހާ ދުވަހު އަހަރުމެންނާއިއެކު އުޅެއުޅެފަ ހަމަ ކުއްލިއަކަށް އެގޮތަށް އަހަރުމެންނާއި ދުރަށް ގޮސްދާނެއެކޭ، އަޒޫ، އަޅާނުލުންކަންނޭގެ ދެން އެންމެ ރަނގަޅުވާނީ، މިހާރު ގުޅަންވެސް ގުޅިއްޖެއެއްނު، ދެން އިތުރަށް ގުޅާނެކަމެއްނެތް، އެކަހަލަ ކިތަންމެ ޝިޔާޒެއް އަހަރުމެންނަށް ލިބިދާނެ” ނަދީމާ އަޒުރާއަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް އަޒުރާގެ ހިތްހަމައެއްނުޖެހުނެވެ. އެތަށް އަހަރެއްވަންދެން ޝިޔާޒުއަށް ހިތުން ޖާގައެއް ހުސްކުރެވިފައިވާއިރު ހަމަހިތަށް އަރުވާލާހާ ފަސޭހައިން އޭނަގެ މަތިން ހަނދާންނައްތާލެވިދާނެހެއްޔެވެ.

“ކީއްވެތަ އެމަނިކުގެ ވާހަކަ އަޒޫ އެހާ ވަރަށް ދައްކަނީ” ހިޝްމާ މަޑުމަޑުން އިނދެލާފައި އަހާލިއެވެ.

“އޭނަގެ ވާހަކަވެސް ދެއްކޭނެތާ، އޭނަ ފިހާރަ ހިންގާތީވެސް އަހަންނަށް ނުލާހިކު ފައިދާކުރޭ، މިފަހަކަށް އައިސް ގޭގައި ބިސްކޯދާ، ކިރާ، މައިލޯ އާއި ކޮފީ ފަދަ އެއްޗެހި ހުސްނުވާނެ، ނުވިތާކަށް ފިހާރައަށް އަލަށް މުދަލެއް ގެނެސްފިއްޔާ އެވެސް ގެނެސްދޭނެ، އެހެންވީމަ އޭނަގެ ޚަބަރު ބެލޭނެއެއްނު، އަނެއްކާ އޭނަވެސް ހަމަހުރެފަ ގެއްލުނީއޭ ވިއްޔަ މީހުން އެކިޔަނީ، އަހަރެން ހަމަ އަޖައިބުވޭ” އަޒުރާ ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ.

މަނިކު ގެއްލިގެން މުޅިރަށް ސަމާލުކަމަށް އައިސްފައިވާތާ ތިންދުވަސްފަހުން ރުއްދަނޑަށް ކާށިބަލާ ދިޔަ ހަރު އުމުރުގެ އިދުރީސް ދުވެފައި ރަށުއޮފީހަށް އައީ ބިރެއްފެނިގެން އައިގޮތަށެވެ. އެއީ ހެނދުނު އެގާރަ ޖަހަން އުޅެނިކޮށެވެ. އޮފީސް އޮޅިގަނޑާ ހަމައަށް އޭނައަށް އެރުނީ ކިރިޔާއެވެ. މީހާ ހޭނެތިގެން ވެއްޓުނީއެވެ. އޮފީހުގައި ތިބި މުވައްޒަފުން އަތުލަފިކޮއްލައިގެން އިދުރީސް ސިއްހީމަރުކަޒަށް ގެންދިޔައެވެ. ވީގޮތް އޮޅުންފިލީ އޭނަ ހޭއެރުމުންނެވެ. ހަށިގަނޑުގައި ވަރުޖެހިލުމާއިއެކުހެން އިދުރީސް އާއި ރަށުގެ އިސްބޭފުޅުންނާއި ރައްޔިތުންގެ ބަޔަކު ނުކުތީ އިދުރީސްގެ ރުއްދަނޑަށް ދިއުމަށެވެ. އެމީހުންގެ ތެރޭ އަޒުރާގެ ޔަޒާންވެސް ހުއްޓެވެ. އެއްވެސް އަންހެނަކު އެމީހުންނާއިއެކު ބައިވެރިއެއް ނުކުރިއެވެ. އިދުރީސް މަގުމަދައްކަމުން ކުރިއަށްގޮސް އޭނައަށް ފެނުނު މަންޒަރު އެބައިމީހުންނަށްވެސް ދައްކައިފިއެވެ. ކޮންމެ މީހެއްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ބައެއްމީހުން ހުރިދިމާލަށް ހޮޑުދުއްވާލިއެވެ. އަނެއްބައިމީހުންގެ ދޫތަކުން ހެޔޮއެއްޗެތި ކިޔެވެ.

އިދުރީހުގެ ރުއްދަނޑުން ރުކެއްގެ އެއްވެފައިއިން ދެފަންތޮށިގަނޑުގެ ބުޑެއްހާ ހިސާބުގައި އެލިފައި އޮތީ މީހެކެވެ. އޭނަގެ ގައިގާ ހިސާބަކަށް އަންނައުނު ހުއްޓެވެ. އަދި ހަށިގަނޑުގެ ގޮހޮރުފަދަ ތަންތަންވަނީ ބަނޑުފަޅާ ނުކުމެފައެވެ.

“އެއީ މަނިކު، އެއީ މަނިކު…” އެންމެންގެ ތެރެއިން ޔަޒާންގެ އަޑު ގުގުމައިގެން ދިޔައެވެ.

“އަހަރުމެން މިހިސާބު ބެލިން، މި ރުއްތައްވެސް ބެލިން، އެކަމަކު އޭނައެއް ނުފެނުނު، ދެން ކީއްވެ މިހާރު މިފެނުނީ” މީހުންތަކުގެ ތެރެއިން މީހަކު ބުނެލިއެވެ. އެންމެނަށްވެސް ބުނެދޭންނޭގޭ ގޮތްތަކެއްވަނީ ވެފައެވެ. އެތަށް ސުވާލެއް ސިކުނޑިއަށްވަނީ ޖަމާވެފައެވެ. އެކި މީހުން އެކަން ދެކެނީ އެކިގޮތަށެވެ. މަނިކުގެ ފުރާނަނެތް މަސްގަނޑުވަނީ އެތަން މިތަނުން ވީދާ ހަލާކުކޮއްފައެވެ. އެއްވެސް ރަހުމެއްނެތްފަދަ ގޮތަކަށެވެ. އެއްބަޔަކު ކައިރި ގެއަކުން ދެތިން ބެޑުޝީޓު ބަލާ ފޮނުވިއެވެ. އެމީހުން އައުމާއިއެކު ރުކަށްއެރުމަށް ކުޅަދާނަ ކެރޭމީހަކު ލައްވާ ބެޑުޝީޓުގެ ތެރެއަށްލައިގެން މަނިކުގެ ހަށިގަނޑު ތިރިކުރިއެވެ. އޭރު އެހިސާބުގައިވެސް މިނިކުނިވަސް ހިފާފައިހުއްޓެވެ. އެހެންވެ ރަށުގެ އިސްވެރިންގެ އެދުމާއިއެކު އަވަހަށްބެލީ ގެނައި ބެޑުޝީޓުތެރޭ މަނިކުގެ ހަށިގަނޑު ބަންދުކޮއްލެވޭތޯއެވެ. އަދި އިދުރީސް ކާށި އަޅަންގެނައި ބަރޯ އޭރުވެސް އެތަނުގައި ހުރުމުން އެއަށް ލައިގެން މަނިކުގެ ހަށިގަނޑު ރަށުތެރެއަށް ނެރުނެވެ.

 ރަށުތެރެއަށް ނުކުމެވުނުއިރު ގެތަކުންނާއި އެކި ހިސާބުހިސާބު މީހުންތައްވަނީ މަގުމައްޗަށް ޖަމާވެފައެވެ. އަޒުރާވެސް ހައްވަދައިތަ އާއިއެކު ޚަބަރު ބަލަން ގޮސްހުއްޓެވެ. އެކަކު އަނެއްކަކަށް މަނިކުގެ ފުރާނައެއްވާ ނެތޭކިޔަންފަށައިފިއެވެ.

ބަރޯހިފައިގެން މީހުންތަކުގެ ތެރެއިން ސިއްޙީމަރުކަޒާދިމާލަށް ދިޔައިރު މީހުންތައް ނޭފަތުގައި އަތްއަޅަންފަށައިފިއެވެ. ކުނިވަސްދުވާތީ ބައެއްމީހުން ބަރޯގެ ފަހަތުން ނުގޮސް މަޑުކޮއްގެން ތިއްބެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް އެކަކު އަނެކަކު ކައިރިން ވެގެންއުޅޭގޮތް އޮޅުންފިލާތޯ އަހަމުންދިޔައެވެ.

ޔަޒާން އެނބުރި ގެއަށް އައީ މެންދުރުފަސްވިފަހުންނެވެ. އޭނަ ގެއަށް އައިއިރު އަޒުރާ އިނީ ހައްވަދައިތަ އާއިއެކު އެގޭ ޖޯލީގައެވެ. ލައިބާ ގޭފާރުބުރިމަތިން ގުދުވެ އޮވެ ހައްވަދައިތަ އާއި އަޒުރާ ޖޯލީގައި ތިބެގެން ދައްކާ ވާހަކަ އަޑުއަހަމުންދިޔައެވެ. އޭރު ލުބާ އުނދޯލީގައި އިންކަން ލައިބާއަށް އެނގެއެވެ. ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން ލުބާއަށް ނަޒަރުހިންގާލައެވެ. ލުބާ ރަށުތެރޭގައި ވެގެންއުޅޭ އެއްވެސް ކަމަކާ ކަންބޮޑުވެ ހަބަރު އޮޅުންފިލުވާކަށް ނޫޅެއެވެ. އޭނަ އެއްވެސް ހިޔާލެއް ފިކުރެއްނެތް މީހަކު ފަދައިން ދޭތެރެއަކުން ޖެހިލާމަޑު ވައިރޯޅިއާއިއެކު ބަނބުކެޔޮ ގަހުގެ ފަތްތައް ތެޅިލާގޮތްބެލުމަށް އެކަމަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.

“ޒާން، އާދެބަލަ…ނިކަން މިތާ އިށީނދެބަލަ” އަޒުރާމެންނާއި ޔަޒާން އަރާހަމަވުމާއިއެކު ބުނެލިއެވެ.

“ތެދެއް ކޮއެފުޅާ، އެ މަނިކު މަރުވެފައި އޮތީ ވަރަށް އާދަޔާއި ހިލާފު ގޮތަކަށޭ މީހުން ކިޔާ، އެއީ ތެދެއްތަ، ދެކުނިންތަ އޭނަ އޮތްގޮތް” ޔަޒާން ޖޯލިފަތީގައި އަޒުރާއާއި ޖެހިގެން އިށީނުމުން ހައްވަދައިތަ އަހާލިއެވެ.

ޔަޒާން އޭނައަށް ފެނުނު މަންޒަރު ފެނުނުގޮތަށް ކިޔާދިނެވެ. އެއަޑުއަހަން ހުރި ލައިބާ އަވަސް އަވަހަށް ވައިއަޑުން ލުބާއަށް ގޮވާލިއެވެ. އަދި ޔަޒާން ދައްކަމުންދިޔަ ވާހަކައަށް އެއްކަންފަތް ސަމާލުކޮއްލޮމުން އެދިމާލަށް ބަލާލާފައި ދެން އެނބުރިލިއިރު ލުބާ ހުރީ އޭނަގެ ދާދިގާތުގައެވެ.

“އިނގޭތަ، އެއްކަލަ މަނިކު މަރުވެފައި އޮތްވާ ފެނިއްޖެޔޯ، އޭނަގެ ހަށިގަނޑަށް ކޮންމެވެސް މީހަކު ވަރަށް އަނިޔާކޮއްފަޔޯ އޮތީ، ފުލުހުން އެބައާދޭ އޭނަގެ ހަށިގަނޑު ބަލަންވެގެން، ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ހީވަނީ މީހަކު އޭނަ މަރާލާފައިވާހެނޯ…..ކިހާބޮޑު އަޖައިބެއް، އަހަރެން ހުރީ އެމަނިކު އާއި އިންނަން ޖެހުނީތީ ވަރަށް ފޫހިވެފަ، ހިތަށްއެރި ކޮންމެވެސް ގޮތަކުން އޭނަގެ ކިބައިން ސަލާމަތްވާނެނަމައޭ…އެކަމަކު މިގޮތަށް ސަލާމަތްވެދާނެ ކަމަކަށް ގަބޫލުވެސް ނުކުރެވޭ….ކީކޭ ލުބާ ބުނަނީ” ލައިބާ މަޑުމަޑުން ލުބާ އާއި ވާހަކަދައްކަމުން ދިޔައީ އަޒުރާމެންނަށް އަޑުނީވޭނޭވަރަށެވެ.

“ބައެއްކަންތައްތައް ހައްދުފަހަނަ އަޅާދިޔައިމަ އެހެންވެސް ވާނެދޯ، ދެން އެވާހަކަ ނުދައްކާ، އެކަމުން ސަލާމަތްވީކަމުގައި ދެކޭ، އެއަށްވުރެ ދެން ކުރިއަށް ވާންއުޅޭ ކަންތަކާއިމެދު ވިސްނަމާ” ލުބާ ބުނެލިއެވެ.

“ތިބުނީ މިކަންތައް ދޯ، މީ ޔަޒާން ގަސްދުގަ ކުރިކަމެއް، އަހަރެން ހިތަށް އަރާ އަހަރެން އެހާ ބާރުގަދަވީނަމައޭ، އޭރުން އެއިން ކޮންމެ ފަހަރަކު އަހަންނަށް ޔަޒާން ދުރަށް ކޮއްޕާލެވޭނެއެއްނު، އޭނަ އަހަރެން މަނިކު އާއި އިނަސް ދޫނުކުރާނަން ކަމަށްބުނި، އަހަންނަށް އެކަން އެނގޭ، އޭރުންވެސް އޭނަ އަހަރެންގެ ނުރުހުމުގަ ގަދަބާރުން އެކަންތައްތައް ކުރާނެ، އަހަރެންނަށް ޖެހޭނީ މަޖުބޫރުވެގެން އޭނަ ހެދިހާ ގޮތެއް ހެދިގެން ހުންނަން….އެކަމަކު…” ލައިބާ އޭނަގެ ބަނޑުގައި އަތްޖައްސާލައިގެން ހުރެ ވާހަކަދެއްކިއެވެ.

“ލައި ވަކިގޮތެއް ނިންމަންވީނު، ތިކަން އެންމެނަށް ސިއްރެއް ނުކުރެވޭނެ، މިހާރު ބަނޑު ހިނދިކޮށް ހުއްޓަސް ފަހުން މާބަނޑު އަންހެނުންގެ ބަނޑު ހުންނަގޮތަށް ލައިގެވެސް ބަނޑެއްލާން ފަށާނެ، އޭރުން ބަނޑުގައި ދިރޭ ފުރާނެއެއްވާނެ” ލުބާ ބުނެލިއެވެ. އޭނަ ލައިބާ އާއި ދޭތެރޭ ވަރަށް ކަންބޮޑުވެއެވެ.

“އަހަންނަށްވެސް އެނގޭ އެމީހުންނަށް މިކަން އެނގިއްޖެއްޔާ، ކުރިންވެސް އެމީހުން ހެދިގޮތަކަން ކަންތައްކުރާނީ، އަހަރެން ކިހާ ވޭނެއްގަ އުޅުނީ، އޭރު އަހަރެންގެ އުމުރުގެ ޅަކަމުން ހަދާނެގޮތެއް ވިސްނައިގަންނާކަށް ނޭގެނު، އެހެންވެ އެމީހުން ބޭނުންވިގޮތަށް ކަންތައްކުރީ، އެކަމަކު އަދި އަހަރެން މިކަމަށް ވިސްނަން ބޭނުން ވަކި ގޮތެއް ނިންމާނީވެސް އަހަރެން، އަޒުރާމެން ބޭނުންހާ ގޮތެއް ވާކަށް އަހަރެން ބޭނުމެއްނޫން، އަދި އެމީހުންނަށް އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއްނޫން، ހޮޑު ނުލެވޭނަމައޭ ހިތަށް އަރާ، ކުރިންވެސް އެމީހުންނަށް އެނގުނީ އެހެންވެ، އަހަންނަށް ލުބާ އެހީތެރިވެދެންޏާ މިކަން އަދި ސިއްރުކޮއްދީ، އެމީހުންނަށް މިކަން ނޭގޭނޭ ގޮތެއް އަހަންނަށް ހަދާދީ…އަހަރެން ވަކިގޮތެއް ނިންމަންދެން” ލައިބާ މަޑުމަޑުންގޮސް އެލުވާފައި ހުރި ޖޯލި އުނދޯލީގައި އިށީނެވެ.

“އަހަރެން ލައިގެ ކަންތައްތައް އަބަދުވެސް ބަލަމޭ ބުނަމެއްނު، އިތުބާރުކުރޭ، ލައި ބޭނުންވަނީ ތިގޮތްކަމުގައި ވާނަމަ، ތިކަންވާނީ ތިގޮތަށް، މިފަހަރު އެމީހުންނަށް ތިކަން އެހާ އަވަހަކާ ނޭގޭނެ” ލުބާ ޔަގީން ކަމާއިއެކު ބުނެލިއެވެ. އަދި އޯގާތެރިކަމުން ފުރިގެންވި ހިނިތުންވުމަކާއިއެކު ލައިބާގެ އަތުގައި ފިރުމާލިއެވެ.

ރޭގަނޑުގެ އަނދިރިކަމަށްފަހު ދުވާލުގެ އަލިކަން ދުނިޔެމައްޗަށް ވެރިވެގެންދެއެވެ. މަނިކުގެ މަރުގެ ހާދިސާއަށްފަހު އަޒުރާ އެކަކު ކައިރީވެސް މަނިކު ލައިބާގެ ކައިވެންޏަށްއެދިގެން އައި ވާހަކައެއް ނުދެއްކިއެވެ. ރަށުތެރޭގައި ފުލުހުން އެމީހުންގެ ތަޙުގީގު ކުރިއަށް ގެންދިޔައެވެ. މަނިކުގެ އާދަޔާއި ހިލާފު މަރާގުޅިގެންނެވެ. ރަށުގެ އެކިމީހުންނާއި ސުވާލުކުރެވެމުންދިޔައެވެ. އޭގެ ތެރޭގައި އަޒުރާގެ އާއިލާވެސް ހިމެނުނެވެ. އެކަމަކު އަޒުރާ އެމީހުން ކުރި ގިނަ ސުވާލުތަކަށްވަނީ ދޮގު ހަދާފައެވެ. އެހެނީ އޭނަގެ މައްޗަށް އެއްވެސް ވަރަކަށް ޝައްކެއްވާކަށް އޭނަ ބޭނުމެއްނޫނެވެ. ފުލުން ބެލިބެލުމުގައި މަނިކުގެ މަރާ ގުޅުންހުރި އެއްވެސް ކަމެއް އެމީހުންނަކަށް ނުފެނުނެވެ. އެހެނީ މަނިކު މަރުވެފައި އޮތްއިރުވެސް އޭނަގެ އުނަގަނޑުގައި އަޅާފައިވާ ކުޑަދަބަހުގައި ފަސްސަތޭކައިގެ އެތަށް ނޫޓެއް ހުއްޓެވެ. އެކަމުން އެމީހުންނަށް އެނގުނު ގޮތުގައި މަނިކު މަރާލަން އުޅުނު މީހަކީ ވަގެއްނޫންކަން އެނގުނެވެ.

ޔަޒާން ރަށުތެރޭގައި އުޅޭ ޒުވާނުންނާއި ގުޅިގެން އުޅޭއިރު އެމީހުންގެ ތެރޭގައި ގިނައީ ރަށުތެރޭ ވިޔާނުދާވެގެން އުޅޭ މީހުންނެވެ. ޔަޒާންވެސް އެއްވެސް މަސައްކަތެއް ކުރާކަށް އަދިވެސް ގަސްތެއްނުކުރެއެވެ. ރީތި އަންހެން ކުދިންގެ ފަހަތުން ހިނގުމާއި އެކުދިންނަށް ކުދިކުދި ގޯނާކުރެއެވެ. އަޒުރާ އެއިން އެއްވެސް ކަމަކާ ފަރުވާލެއް ނުބަހައްޓައެވެ. މީހުންނަށް އުނދަގޫވެގެން އެވާހަކަ ހިފައިގެން އަޒުރާ ހޯދަން އަތުވެއްޖެނަމަ ޔަޒާންއާއި ދިމާލަށް އެއްޗެއް ދޭއްޗެއްވަރު ބުނެލާނެއެވެ. އެހެންނޫނީ އޭނަގެ އުޅުން ރަނގަޅު ކުރުމަށް އެއްވެސް ބާރެއް ނާޅައެވެ.

އަޒުރާއަށް ޝިޔާޒުގެ ހަބަރެއްނުވުމާއިއެކު ރޭގަނޑުގެ މަޖާގަނޑުގައި ފޯރިކުޑަވާން ފަށައިފިއެވެ. އަޝްހަރު ބަރާބަރަށް އާދެއެވެ. އޭނަ އާއިއެކު ނަދީމާ އާއި އޭނަގެ ރައްޓެހިންވެސް އާދެއެވެ. ޝިޔާޒުގެ ހަނދާންތަކާއި ދުރުވުމުގެ ނިޔަތުގައި އޭނަ އަނެއްކާވެސް އާދަނުއަށް ގުޅަންފެށިއެވެ. އޭނަގެ ކައިރިއަށް ދާންފެށީއެވެ. އާދަނު އުފަލާއިއެކު އެކަން ގަބޫލުކުރިއެވެ.

ދުވަސްތައް މާޒީގެ ސޮފްހާ އާއިއެކުވެ ހިރަފުސްއަރަމުންދިޔައެވެ. އެކަމަކު ލައިބާގެ ހަޔާތުން އޭނަ ހަނދާން ހުންނަން ފެށީއްސުރެން ކުރިމަތިލި ކޮންމެ ދުވަހެއް އިއްޔެވީކަމެއްހެން ހަނދާނުގައި ހަރުލާފައިވެއެވެ. އޭރުއްސުރެ ކޮންމެ ދުވަހަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތަށް އެތަށް އަނިޔާއެއް ލިބެމުންދިޔަ ދުވަސްތަކެކެވެ. އޭރުވެސް މިހާރުވެސް އޭނަ ދިޔައީ ކެތްތެރިވަމުންނެވެ. އިންސާނަކަށް ކެތްތެރިކަން ދެއްވާފައިވާ އެންމެ މަތީ ދަރަޖައަށް އޭނަ ކެތްތެރިވެއެވެ. އެކަމަކު އޭނައަކީ އިންސާނެކެވެ. ހިތުގައި ނަފުރަތާއި ރުޅިވެރިކަންވެސް އުފެދެއެވެ. އަނިޔާވެރިވާ މީހުން ނެތިދިއުމަށްވެސް އެދެވެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ބާރުފޯރުވެވޭވަރަށްވުރެ އޭނަ ނިކަމެއްޗެވެ. އެފަދަ އެހީއެއްވާނެ މީހަކު އޭނަގެ ނަޒަރުގައި ނެތެވެ. އެކަމަކު ލުބާގެ އެހީތެރިކަން އިންތިހާއަށް ލިބެއެވެ.

އުމުރުން ފަނަރަ އަހަރަށްވުރެ ބޮޑުވެގެން ދިޔައިރު ލައިބާގެ ހިތާ ސިކުނޑިވެސް ފުރާވަރުގެ އޮއެވަރިގައި ވަނީޖެހިފައެވެ. މީހަކަށް ނޭގުނު ކަމުގައިވިޔަސް އޭނަވެސް ލޯބި ބޭނުންވެއެވެ. އަމާން އޮމާން ރީތި ދިރިއުޅުމެއް އުޅެން އޭނަވެސް ބޭނުންވެއެވެ. ދާނުގެ ބައިވެރިއަކަށްވުރެ އުމުރުގެ ދެންއޮތް ދުވަސްތަކުގައި ހަޔާތްވޭތުކޮއްލާނެ ބައިވެރިއަކު ބޭނުންވެއެވެ. އެހެނަސް އެފަދަ މީހަކާއި ދިމާވުމަކީ މުސްތަހީލުކަމެއްކަމުގައި ލައިބާއަށް އެނގެއެވެ. ކޮންމެ ފިރިހެނަކު ބަލާލި ކަމުގައިވިޔަސް ލައިބާގެ ހިތަށް އެހެން އެއްވެސް ކަމަކަށްވުރެ ބިރުވެރިކަން ވަދެގެންދެއެވެ. އޭނަގެ ފަރާތުން ރައްކާތެރިކަމެއްނެތްކަމުގައި ހިތް ގޮވަންފަށައެވެ. އެހެންވެ އެއިން ފަރާތަކަށް ބަލާލާނެހާ ހިތްވަރެއް ލައިބާގެ ނުހުރެއެވެ.

 “ކީއްވެތަ މިހާރު އެހާ ބަސްމަދުވެފަ ތިހުންނަނީ؟ ލައި އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ އަނެއްކާ ބަނޑުގަ ރިއްސަނީތަ، އެކަމަކު ރިއްސައިގެން ނުވާނެ” ލުބާ ބުނެލިއެވެ. އެއީ ތެދެކެވެ. ލައިބާ ބަލިވެއިންކަން ޔަގީން ކުރީ ލުބާއެވެ. އެކަން އޭނައަށް އެނގުނީ ކިހިނެތްކަމެއް ލައިބާއަކަށް ނޭގެއެވެ. އޭނަ ދެކުނު ގޮތުގައި އޭނަ އާއި ހިލާފަށް ލުބާއަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ލައިބާ އޭނަ ބަލިވެއިންކަން ސިއްރުކުރުމަށް ލުބާ ގާތުން އެދުމުން، އޭނަ ލައިބާއަށް ބޭސްކުރަން ފެށިއެވެ. ޑޮކްޓަރު ބޭހެއްނޫނެވެ. ލައިބާ ދުވަހަކުވެސް ނުދެކޭފަދަ ތަފާތު ވައްތަރުގެ ފަތްޕިލާވެލީގެ ބޭސްތަކެވެ. ލައިބާއަށް ކިތަންމެ ނުބައެއްކަމަކު އެބޭސްތައް ބޭނުންކުރުމުން ހަށިގަނޑަށް ލުއިވެ ތާޒާކަން ލިބެއެވެ. އަދި އެއްގޮތަކަށްވެސް ހޮޑެއްނުލަވައެވެ. އެކަމާ އޭނަ އަޖައިބު ވުމަށްވުރެ ލުބާގެ މޮޅުކަމަށް ތަޢުރީފު ކުރެއެވެ.

“ކަމެއްނުވޭ…ތަނަކަށް ތަދެއްވެސްނުވޭ، ވާހަކައެއް އަހަންތަ؟” ލައިބާ ބަދިގެ ފާރުބުރި މަތީ ބަތްތަށިހިފައިގެން ނުކުމެ އިނދެ ކުންނާރުގަސް ކައިރީހުރި ލުބާ އާއި ވާހަކަދެއްކިއެވެ.

“ހޫމް، އަހާބަލަ” ލުބާ ތަންކޮޅެއް ބޮޑަށް ހިނިތުންވެލަމުން ލައިބާ ބުނަން އުޅޭއެއްޗަކަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

“ލުބާ…ލުބާގެ މަންމަމެން ލުބާ މީހަކާ އިންނަން ނުބުނޭތަ؟” ލައިބާ މަޑުމަޑުން ބަތްފުއްފުއް އަނގަޔަށް ލަމުން އަހާލިއެވެ. ހީވާގޮތުން އޭނަ ބަތްތައްޓަކައި އެހާ ގަޔައެއްނުވެއެވެ.

“ހެ ހެ ހެ…މީހަކާ އިންނާނީ އަހަރެންވެސް ބޭނުންވެގެންނު، އަހަރެން އިންނަން ބޭނުންވަނީ އަހަރެންނަށް ކަމުދާ މީހަކާ، އަހަރެން ލޯބިވާ ކުއްޖާއާއި، އަހަރެންގެ މައިންބަފައިން އެކަމާ ދެކޮޅެއް ނުހަދާނެ…ލައި ކީއްވެ ތިހެން ތިއެހީ” ލުބާވެސް ސުވާލުކޮއްލިއެވެ.

“ލުބާ، އަހަރެންދެކެ އެކަކުވެސް ލޯބިވެދާނެތަ؟” ލައިބާ ވިސްނާލާފަދަ ގޮތަކަށް ކުޑަހިނދުކޮޅަކު މަޑުންއިނުމަށްފަހު ބުނެލިއެވެ.

“ކީއްވެ ނުވާންވީ، ހަމަގައިމުވެސް އަހަރެން ލައި ދެކެ ލޯބިވަން” ލުބާ ހިނިއައިސްފައި ލައިބާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.

“އެކަން އަހަންނަށްވެސް އެނގޭ، އެކަމަކު، ހިތަށް އަރަނީ ލޯބި ލިބޭނޭފަދަ ކައިވެންޏެއް ދުވަހަކުވެސް އަހަންނަށް ކުރެވޭނެބާއޭ…އެފަދަ ޒުވާނަކު އަހަރެންފަދަ މީހަކަށް ލިބޭނެބާއޭ…” ލައިބާ ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންގޮތަކަށް އިނދެ ބުނެލިއެވެ.

“ލައި ބޭނުންވަނީ ކައިވެންޏެއް ކުރަންތަ؟ ނޫނީ ލައިދެކެ ލޯބިވާނެ މީހެއްތަ؟ ކޮންއިރަކު އެފަދަ ޒުވާނަކަށް ލައި ކަޅިއަޅަން ފެށީ” ލުބާ ލައިބާ އާއި ސަމާސާކޮއްލިއެވެ.

“ކާކުތަ އެފަދަ މީހަކު އެމީހެއްގެ ހަޔާތުގައި ބޭނުންނުވާނީ، އަހަންނަށް އެނގޭ ލުބާވެސް ބޭނުންވާނެ ލުބާދެކެ ލޯބިވާނެ މީހަކު، ހަޔާތުގެ ބައިވެރިއެއް ކޮންމެވެސް ހިސާބަކުން ބޭނުންވާނެ، އަހަންނަށް އެފަދަ ކަމަކާ ވިސްނަން މަޖުބޫރުވަނީވެސް މިގޭގަ މިއުޅޭ މީހުންނާއި ހެދިގެން، މިހާރު އަބަދު ބޭނުންވަނީ މިގެއިން ނުކުމެގެންދާން، އެކަމަކު ދާނީވެސް ވަކި ކޮންތާކަށް، އެހެންވެ ހިތަށް އަރަނީ އަހަރެންނާ އިންނާނެ ރަނގަޅު ޒުވާނަކު ވާނެނަމައޭ، އަހަރެންނަށް އޯގާތެރިވެ ލޯބިވާ އަދި އަހަންނަށް ދިމާވާ ހުރިހާ ނުރައްކާތަކުން ސަލާމަތްކޮއްދޭނޭ ފިރިއެއްކަމުގައިވާނޭ ޒުވާނަކާއި ދިމާވާނެ ނަމައޭ… ހެ ހެ ހެ….އަހަރެންގެ މޮޔަކަންވެސް ދޯ” ލައިބާ ދައްކަމުންދިޔަ ވާހަކަ ކުރުކޮއްލަމުން އިންތަނުން ތެދުވެ ކުނިގޯނި ކައިރިއަށް ދިޔައީ ބަތްތަށީގައި ނުކެވިފައިހުރިބައި ކުނިގޯންޏަށް އަޅާލުމަށެވެ.

“ލައި މޮޔައެއްނޫނޭ، ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާނެދޯ އެފަދަ ޒުވާނެއް، ކިހިނެތް އިނގެނީ އަދި އެފަދަ މީހަކާ ލައި އާއި ދިމާ ނުވާނެކަމެއް، ވަގުތާއި ހާލަތަކީ ވަރަށް މުހިއްމު އެއްޗެއް، ލައި އެފަދަ ގުޅުމަކަށް ތައްޔާރުވަންދެން ކަންނޭގެ އެފަދަ ޒުވާނަކާއި އަދި ދިމާނުވެގެން ތިއުޅެނީ، ދެން ހިއެއްނުވޭ މާގިނަ ދުވަހެއްވާނެހެނެއް، އެކަމަކު ސުވާލެއްކޮއްލާނަން، ލައި ތިބުނާފަދަ، އޯގާތެރި، ލޯބިވާ، އުމުރުދުވަހު އެކީގައި އުޅެންބޭނުންވާ، ލައިބާ ނުބައި ޢަމަލުކުރާމީހުންގެ ފަރާތުން ރައްކާތެރިކޮއްދޭ މީހަކީ ހުތުރު ސިފައެއް ލިބިފައިވާ މީހެއްކަމުގައި ވެއްޖެނަމަ ދެން ހަދާނީ ކިހިނެތް؟” ލުބާ ލައިބާގެ ފަހަތުން ކަހަލަގޮތަކަށް ގޮސް ބަދިގެ ދޮރުކައިރީ މަޑުކޮއްލިއެވެ.

“ތިބުނީ، އެއްވެސް މީހަކީ ހުތުރުމީހަކަށް ނުވާނެއެއްނު” ލައިބާ ސިންކުގެ ކައިރީ ތަށިދޮންނަން ހުރެފަ ކުއްލިއަކަށް ބަލާލަމުން ބުނެލިއެވެ.

“ތެދެއް، އެއްވެސް މީހަކީ ހުތުރު މީހެއްނޫން، އެކަމަކު އޭނައަށް ގުދުރަތުން އެހެންމީހުން ބިރުގަންނަ ފަދަ ހުތުރު ސިފައެއް ލިބިފައިހުރެއްޖެނަމަ ދެން ލައި ހަދާނީ ކިހިނެތް؟” ލުބާގެ ސުވާލު އަނެއްކާވެސް ތަންކޮޅެއް ތަފްޞީލުކޮއްލިއެވެ.

“ދެން ނޭގެ، އެހެން މީހުން ބިރުގަންނަކަމުގައި ވަނީނަމަ، އަހަރެންވެސް ބިރުގަންނާނެ ދޯ، ނޫނީ ސިފަ ހުތުރުވިޔަސް ހެޔޮ، އަހަންނަކީވެސް މާރީތި މީހެއްނޫން، އޭނަގެ ނިޔަތް އަހަންނާއި ދޭތެރޭ ރަނގަޅުވުމީވެސް ހާދަ ބޮޑުވަރެކޭ، ލުބާއަށް އެކަން އެނގޭނެ، އަހަންނަކީ މިރަށުގައި މިއުޅޭ އެހެން އަންހެންކުދިން ފަދަ އަންހެން ކުއްޖެއް ނޫނެއްނު، އަހަރެންނަކީ އަބުރުވެރި އަންހެން ކުއްޖެއް ކަމަކަށް ނުވާނެ، އެދުވަހަކުން އެމީހަކު އަހަރެން ޤަބޫލު ކުރާނީ އަހަރެންގެ ހުރިހާ ހަގީގަތެއް އެނގިހުރެ، ޔަގީނުންވެސް އެމީހަކީ މާތްމީހެއްކަމުގައި އަހަންނަށްވާނެ ދޯ، އޭނަގެ ސިފަ ހުތުރުވި ކަމުގައިވިޔަސް އެދުވަހަކުން އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ޙާޞިލްވިފަދަ….ލުބާއަށްވެސް އެފަދަ މީހަކު ލިބެން އަހަރެން އެދެން، ލުބާގެ ހަޔާތް ރަނގަޅުގޮތުގައި ހޭދަވެގެން ދިއުމަށް އަހަންނަށް އެދެވޭ، މިހާރު ހިތަށް އަރާ ލުބާ ގޭތެރެއަށް ނުވަންނަކަން ހަމަރަނގަޅޭ، އެހެންނޫންނަމަ އަޒުރާ އާއި ޔަޒާން ލުބާގެ ދުވަސްވެސް ދުއްވާލާނެ، އަހަރުމެން ދެމީހުންނަށް ބައްދަލު ނުވެވޭގޮތް ހަދާނެ، އަހަރެން ބޭނުމެއްނޫން ޔަޒާންއަށް ލުބާ ފެންނާކަށް، އޭރުން އޭނަ އަހަންނަށް ހަދާފަދަ ގޮތްގޮތް ލުބާއަށްވެސް ހަދާނެކަން ޔަގީން، އެއްވެސް ކުލުނެއް ހަމްދީރުވުމެއްނެތް ބައެއް އެއީ….ތީއަހަރެންގެ ކޮއްކޮ ކަމެއްވެސް ދައްތަކަމެއްވެސް ނޭގޭ، ކޮންމެ ގޮތެއްވިޔަސް ލިބިފައިތިވަނީ އަހަރެންގެ ސިފަ….އަހަރެން އެންމެ އަޖައިބުވަނީ އެހެންވެ، ލުބާގެ ނަމުން ގޮވަންޖެހެނީވެސް އެހެންވެ، ލުބާއަށް އެނގޭތަ، ލުބާ ނެތިއްޔާ އަހަރެން ވަރަށް އެކަނިވެރިވާނެ، ދުނިޔޭގައި ދިރިހުރުމުގެ ހުރިހާ އުއްމީދެއް ގެއްލިގެންދާނެ….” ލައިބާ ބަދިގެތެރޭގައި އެކިއެކި ކަންތައްތައް ކުރަމުން ވާހަކަދެއްކިއެވެ.

ލުބާކުއްލިއަކަށް ޔަޒާންއޭ ބުނިއަޑުއިވުނެވެ. އެއަޑަށް ލައިބާ ބަލާލިއިރު ލުބާއެއް ނެތެވެ. އޭނަ ދިޔައީއެވެ. ލައިބާވެސް ބެލީ ބަދިގެ ދޮރު ލައްޕާފައި ގޭތެރެއަށް ވަނުމަށް ދިއުމަށެވެ. އެކަމަކު ޔަޒާން އޭރު ގޭތެރެއިން ނުކުމެގެން އެދިމާލަށް އަންނަނީއެވެ. އޭނަ ލައިބާ ދިޔަކަ ނުދިނެވެ. ކާންހެދުމަށް ބުނަންފެށުމުން ލައިބާ އެނބުރި ބަދިގެއަށްވެނެވެ. އެވަގުތުކޮޅުވެސް އޭނަ ލައިބާގެ ގަޔަށް އަތްފޯރުކުރެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.

“ކޮބާ ބަނޑުބޮޑުވީތަ؟” ޔަޒާން އެންމެންފަހުން މޭޒުކައިރީ އިށިންނަމުން ބުނެލިއެވެ.

“ކީކޭ…” ލައިބާއަށް ކަންބޮޑުވުމާއިއެކު އަހާލެވުނެވެ. އޭނައަށް ޔަޒާން އެހެން އެހުމުގެ ބޭނުމަކީ ކޮބާކަން އެނގެއެވެ. ޔަޒާންއަށް ލައިބާ މިހާރު އިންނާނީ ބަލިވެކަން ޔަގީންވަނީކަންވެސް ނޭގެއެވެ. އެކަމަކު ލައިބާ އެކަން އޭނައަށް ޔަގީންކޮއްދޭކަށް ބޭނުމެއްނުވެއެވެ. އަދި މީހުންނަށް އެނގޭވަރަކަށް އޭނަގެ ބަނޑުވެސް ބޮޑެއްނުވެއެވެ.

* * * * * * * * * * * * * * * * * * * * * *

ލައިބާއޭނަގެ ހާލަތު ސިއްރުކުރަމުންގޮސް ބަނޑަށް ހަތަރުމަސްވެގެން ދިޔައިރު މަނިކުގެ މަރަށްވެސް އެހާދުވަސް ވެގެންދިޔައެވެ. ބަނޑުގައި ދިރޭ ފުރާނައެއްވާކަމުގެ ފުރުތަމަ އަސަރެއް ފާޅުވެގެންދިޔައީ ލައިބާ ފެންވަރަން ހުއްޓައެވެ. ބަނޑުގައިވާ ދަރިފުޅު ފުރަތަމަ ތޮޅެލުމާއިއެކުވެސް ލައިބާގެ މޭގަނޑު ފިނިވެގެންދިޔައެވެ. އަވަސްއަވަހަށް ބަނޑުގައި އަތްޖައްސާލެވުނެވެ. މިވަނީ ކިހިނެތްބާއޭ އަމިއްލަ ޒަމީރާ ސުވާލުކޮއްލެވުނެވެ. އަނެއްކާ ބަނޑުގައި ހަމަނުޖެހުމެއް އުޅެނީބާއޭ ލައިބާގެ ހިތަށްއެރިއެވެ. ދަރިފުޅުގެ ތޮޅެލުންވެސް ލައިބާއަށް ފާހަގަކުރަން ނޭގުނީއެވެ. ކަމެއް އޮޅުންފިލުވާލަން އަހާލަންވެސް ހުރީ ލުބާ އެކަނިވިއްޔާއެވެ.

އަވަސްވެފައިވާ ހިތަކާއިއެކު ގޭތެރޭގައި އެކިމަސައްކަތް ކުރުމުގައި މަސްޢޫލުވެ އުޅުނު ލައިބާއަށް ލުބާގެ އަޑުއިވުމާއިއެކު ދުވެފައިގޮސް އޮޅުލައިގަތެވެ. އަދި ލުބާގެ އަތްއޭނަގެ ބަނޑުގައި ޖެއްސީ ކަންބޮޑުވެފައި ހުރެއެވެ. ލައިބާ އޭނައަށް އަލަށް އިޙްސާސް ކުރެވުނު ކަންތަކުގެ ވާހަކަ ލުބާއަށް ކިޔާދިނެވެ. އޭނަ ލައިބާގެ ބަނޑުގައި ދެއަތްތިލަ ޖައްސާލައިގެން އިރުކޮޅަކު މަޑުކޮއްލިއެވެ. ލުބާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިގެންދިޔައެވެ. މިފަހަރު ލައިބާގެ ގެނެސް ކައިރިކޮއްލީ ލުބާއެވެ. ލައިބާގެ ޅަގޮތްއަދިވެސް ނުދެއެވެ. ލުބާ ލައިބާއަށް މާބަނޑު އަންހެނަކަށް ކުރިމަތިވާނެ އެކިއެކި ކަންތައްތައް ކިޔާދިނެވެ. އަދި ގިނަދުވަހެއް ނުވެ ބަނޑުމިހާރަށްވުރެވެސް ބޮޑުވާނެކަމުގައި ލުބާ ބުނެދިނެވެ. ލައިބާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އެކަމަކު ބަނޑު ބޮޑުވަމުންދާއިރު އެބަނޑު ފޮރުވާނީ ކިހިނެތްކަމެއް އޭނައަކަށް ނޭގެއެވެ.

ރޭގަނޑުގެ ނިދިން މަޙުރޫމުވެފައި ލައިބާ އޮތެއްކަމަކު އޭނަގެ ބަނޑުގައި މީހަކު ކޮއްޓާލާފަދަ އިޙްސާސްއެއް ކުރެވޭކޮންމެ ފަހަރަކު އޭނަގެ ތުންފަތަށް ހިނިތުންވުމެއްވެރިކުރުވައެވެ. ބުނެދޭންނޭގޭ ގޮތްތަކެއް ހަށިގަނޑަށް ވެގެންދެއެވެ. އެހެންނަމަވެސް ޔަޒާންގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ސިހިގެންދެއެވެ. ފަހަކަށް އައިސް އޭނަ ކުރާ އާދަޔާއި ހިލާފު ސުވާލުތަކުންވެސް ލައިބާއަށް ނުތަނަވަސްކަން ވެރިކުރުވައެވެ. ފުރަތަމަ ފަހަރަށް އޭނައަށް ބަނޑުގައި ދަރިއެއްވާކަމާއިމެދު ކުރިއަށްވުރެ ބޮޑަށް ވިސްނާލެވުނެވެ. އަދި ބަނޑުބޮޑު ވުމަކީ އެކަމާއި އަޅާނުލާ ދޫކޮއްލެވިދާނެ ކަމެއްނޫންކަންވެސް ލައިބާއަށް ވިސްނެންފެށިއެވެ.

ލައިބާ ކުރިއަށްވުރެވެސް ދުރު ދުރުން އުޅޭކަން އަޒުރާއަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ. އޭނަ އެހެން އުޅެނީ މަނިކު އާއި ކައިވެނިކުރަން ނިންމީމަ ކަމުގައި އޭނަ ދެކުނެވެ. ޔަޒާން އާއި ލައިބާ އާއިމެދު އޮންނަ ގުޅުން އަޒުރާއަށް އެނގެއެވެ. އެހެންނަމަވެސް މިހާރު އޭނައަށް އެއީ ނުހުއްޓުވޭނެ ކަމެއްކަމުގައި އެނގިއްޖެއެވެ. އެހެނީ އެކަންކުރިއަށް ގެންދިއުން އެއީ ޔަޒާން އެދޭގޮތްކަމުގައި ވާތީއެވެ. އެކަމާ އަޒުރާ އަޅާނުލުމުން ޔާޒާންގެ ފަރާތުންވެސް އަޒުރާއަށްލިބޭ ސަމާލުކަން އިތުރުވެގެންދިޔައެވެ. މަނިކުގެ ފަރާތުން ލިބުނު ރުފިޔާތައް ހަރަދު ކުރުމުގައި އަޒުރާ އާއި ޔަޒާން އުޅެމުންދިޔައިރު އޭގެން އެންމެ ލާރިއެއްހާ ހިސާބުވެސް ލައިބާއަށް ހަރަދުނުކުރެއެވެ. އެމީހުން އެރުފިޔާތައް ސިއްރުކޮއްގެން އުޅޭކަމެއްވެސް ލައިބާއަކަށް ނޭގެއެވެ. އާހެދުން ތަކާއި މޯބައިލް ފޯނުގެންގުޅުމާއި ރީތިހާ ފައިވާނަށް އެރުމަކީ ލައިބާގެ ނަޒަރުގައި އަޒުރާގެ އާމު ދިރިއުޅުމެވެ. އެކަންތައްތަކާއި ސަމާލުކަމެއް ދިނުމަކުން ލައިބާއަށް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ގޭގައި ފާޑުފާޑުގެ ޕާރުސަތައް ގެނެސްގެން ކައިހަދާއިރުވެސް ލައިބާއަކީ ގޭގައި އުޅޭ މީހެއްނޫނެވެ. އޭނައަށް އޮތްތަނަކީ ބަދިގެއެވެ. ކާންބޭނުންނަމަ އަމިއްލައަށް ކައްކައިގެން ކާންވީއެވެ. އެކަމަށް މަނާ ނުކުރާކަންވެސް އެއީ ނަސީބެކެވެ. ލައިބާ އެގޭގައި ބަހައްޓާފައިވެސް އެހުންނަނީ މީހުން ކިޔާނެ އެއްޗަކާއިމެދު އަޒުރާ ގަންނަ ބިރަކުންކަން ލައިބާއަށް އެނގެއެވެ.

ކައްކަން ދަސްކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު ހައްވަދައިތައަށް ލައިބާ ޝުކުރުވެރިވެއެވެ. ޅައިރުގައި ހައްވަދައިތަ ވާހަކަދައްކިއަސް ގޮވާލިއަސް އަނގައިން ނުބުނާ ލައިބާ ބޮޑުވަމުން އައީ މުޅިން ތަފާތުކޮށެވެ. މިހާރު އޭނަ ހައްވަދައިތަ އާއި ވާހަކަދެއްކުމުގައި އެއްވެސް ޖެހިލުމެއްނުވެއެވެ. މިއަދާއި ހަމައަށް އައިއިރު ލައިބާގެ ބައްޕައަކީ ކާކުކަން އޮޅުން ފިލުވާދިނީ ހައްވަދައިތައެވެ. ހައްވަދައިތަގެ ވާހަކައިން ލައިބާއަށް ލިބިފައިއެވަނީ އޭނަގެ ބައްޕަގެ ސިފައެވެ. ލައިބާގެ ބައްޕައަކީ ރާއްޖޭ މީހެއްނޫނޭ ބުންޏެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ދޮން ބޮޑުމީހެކެވެ. ލޮލުގެ ކަޅީގެ ކުލަ ތަފާތުވެފައި ރަންކުލައަކަށްދާ އިސްތަށިގަނޑެއް ލިބިފައިވާކަމުގައިވެސް ހައްވަދައިތަ ބުންޏެވެ. އެދުވަހު ލައިބާ ހިތަށްއެރިއެވެ. އޭނަގެ ބައްޕައަށް ރާއްޖޭގައި އޭނަގެ ދަރިއަކު ހުރިކަން އެނގޭބާއެވެ. ލައިބާއަށް އެކަން އެނގުމުން ވަކި އުފަލެއްނުވެއެވެ. އެހެނީ އޭނައަކީ ބައްޕަނެތް ކުއްޖެއްގެ ގޮތުގައި ރަށު އެންމެނަށްވެސް އެނގޭކަމެވެ.

ލައިބާގެ ނަސީބުގައި އޭނައަށް އޯގާތެރިވާނޭ ފަރާތެއް ލިބުންނެތީކަންނޭގެއެވެ. މަސްދުވަސްފަހުން ހައްވަދައިތައަށް ކުއްލި ގޮތަކަށް ފުރަންޖެހުނީ ހުސޭނުބެ ދަނޑުގައި އުޅެނިކޮށް ރުކަކުން ވެއްޓުނު ކާޓަކުން ޖެހި ކޮނޑުހުޅަށް ލިބުނު ގެއްލުމަކާއިއެކީ ދިވެހިބޭސް ކުރަންށެވެ. ހުސޭނުބެ އެއްގޮތަކަށްވެސް ޑޮކްޓަރު ބޭސް ކުރާކަހަލަ ހިޔާލެއް ނުކުރެއެވެ. އެހެންވެ ނޫނު އަތޮޅަށް ފުރަން ހައްވަދައިތައަށް މަޖުބޫރުވީއެވެ. ލައިބާއަށް އެންމެ ފަހުން ހައްވަދައިތަ ފެނުނީ އެދުވަހު މެންދުރު ފަހުއެވެ. އެމީހުންގެ ދޮށީ ދަރިފުޅާ އާއިލާއާއިއެކު ފޮށިތަންމަތި ހިފައިގެން ނުކުންނަނިކޮށެވެ. ދެން ބަދިގޭގައި އުޅޭއިރު ލައިބާއަށް ގޮވާލާނެ މީހަކުވެސް ނުހުންނާނެއެވެ.

މެންދުރުގެ ކެއުމަށް ހޮސްޕިޓަލުގައި އުޅެފައި ނަދީމާ އަޒުރާގެ ގެއަށް އައިވަގުތެވެ. އޭރު ލައިބާ އަތްމަތި އަވަސްކޮއްލާފައި ކާމޭޒުމަތި ތައްޔާރު ކުރުމަށް ބަދިގޭގައި އުޅެއެވެ. ދޭތެރެއަކުން ބުރުގާގެ ކަންގަނޑު ހިއްލާލަމުން މޫނުމަތިން ވިދަމުންދާ ދާތިކިތައް ފޮހެލައެވެ. ބަދިގޭ ތެރޭގައި ފުނޑިހަވާދުގަނޑުގެ މީރުވަސް ހަރުލާފައި ހުއްޓެވެ. މިހާރު ލައިބާގެ ބަނޑަށް ހަމަސްވީއިރުވެސް އޭނަގެ ބަނޑުގައިވާ ދަރިފުޅު ތޮޅެލުންފިޔަވާ އިތުރު އެއްވެސް ވަރެއްގެ އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ކުރިން ފުނޑަން އިންނަގޮތަށް ދާކައިރީ ނީނުމަށް ލުބާވަނީ އެދިފައެވެ. އަދި ލައިބާއަށް ފުނޑަން ޖެހިދާނެކަމަށް ފުނޑާދައި ފެންތާންގީ ކައިރީ ތަންކޮޅެއް އުސްކޮށް ރާނާފައި އިން ގާފޮޅުމަތީ ބައިންދާދިނެވެ. އެހެންވެ އެކަންވެސް ނުހަނު ފަސޭހަވެގެން ހިނގައްޖެއެވެ. ހުރިހާ ކަމަކަށް އޭނައަށް ލުބާ ފުދެއެވެ. ގައިގާ ބާރު ހުރެއެވެ. ޑޮކްޓަރަކަށްފުދެއެވެ. އެކުވެރިއެކެވެ. ލައިބާ ދެކޭގޮތުގައި އޭނައަށް ލިބިފައިވާ ހަމައެކަނި އާއިލާއަކީވެސް އެއީއެވެ. ލުބާއެވެ.

އަޒުރާ އާއިއެކު ނަދީމާ އަންނަންވާއިރަށް ލައިބާ ބަދިގެ ފަރާތުން ނުކުތެވެ. އަދި މެށިނުގައި ފެންލެވިފައި ހުރި އެއްޗެހި ބާލިދީއަށް އަޅައިގެން އޭނަ ނުކުތީ ރޯނުތަކުގައި އެއެއްޗެހި ހިއްކަން އެޅުމަށެވެ.

“މްމްމްމް….ހާދަ މީރުވަހެކޭ މިދުވަނީ، ލައިބާ މިހާރު ހާދަ މޮޅޭދޯ ކައްކަން” ނަދީމާ ބަދިގެ ތެރެއަށް ވަންނަމުން އަޒުރާއަށް ބުނެލިއެވެ. އެއަޑު ރޯނުތައްކައިރީ އައިސް ހުއްޓިލި ލައިބާއަށް އިވުނެވެ. އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެކަމަކު އެހިނިތުންވުމުގައި ލާނެތްކަމެއްވެސް އެކުލެވިފައިވިއެވެ.

“މާދަން ކަންނޭގެ މީހަކާ އިންނަން ތެޅިގަންނާނީ، އަތުންފައިން މަސައްކަތެއްކުރަން ނޭގުނީމަ، އިންނަމީހާ ބުނާނެ ކަލޭގެ މަންމަ ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް ދަހެއްނުކޮށްދޭހޭ….އޭރުން ކިހާ ރީތި، އަންހެން ދަރިންނަކީ މައިންނަށް ހުތުރުނަން އަރުވާ ބައެއް” އަޒުރާ ބަދިގެ ތެރެއަށް ވަންނަމުން ބުނެލިއެވެ.

އެއްޗެހި ހިއްކަން އަޅަން ހުރި ލައިބާގެ ހިތަށް އަޒުރާބުނި އެއްޗަކުން އެއްވެސް އަސަރެއް ނުކުރިއެވެ. މާކުރިންވެސް އޭނައަށް އަޒުރާ އެފަދަ އެއްޗެއް ބުނެދާނެކަން އެނގެއެވެ. ލާނެތްގޮތަކަށް ހިނިއާދެވުނީވެސް އެހެންވެއެވެ. ލައިބާއަށް މީހެއްގެ ދުލުކުރިން ތައުރީފުގެ ބަހެއް ރައްދުވުމަކީ އަޒުރާއަށް ކެތްވާނޭވަރު ކަމެއްނޫންވިއްޔާއެވެ. ލައިބާ އަޒުރާ އާއި ނަދިމާގެ އުޅުމަށް ސަމާލުކަމެއްނުދީ އޭނަ ކުރަމުންދިޔަ މަސައްކަތްކުރުމުގައި އުޅުނެވެ.

ބަދިގޭގައި ނަދީމާ އާއިއެކު އަޒުރާވެސް އިނީ ކާންށެވެ. އެދެމެދުގައި އެކިއެކި ވާހަކަތައް ދެކެވެމުންދިޔައެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކާއި ގުޅިފައިވާ ވާހަކަތަކެވެ.

“އަޒޫ، ލައިގެ ރޫފަ އަނެއްކާވެސް އެބަ ރަނގަޅުވޭދޯ، މިހާރު އަންހެނެއްގެ ބައްޓަންތައް އަންނަންފަށައިފި، ކުރީގަ ހުރި ޅަގޮތްގަނޑެއް ނެތް، ބަލާބަލަ އެއޮތްބުޑުމައްޗެއް ފުޅާވެލައިފާ ހުރިވަރު….އަނެއްކާ ކަމެއް އުޅެނީތަ، ހޫން، އެހެންބުނެވުނީމަ މިހަނދާންވީ، އަދިވެސް އަހަރެން ކައިރީ ނުބުނަމެއްނު އެއީ ކާކުކަމެއް؟” ނަދީމާ ކާމޭޒުކައިރީ އިންއިރު ބަދިގޭގެ ދޮރުން ރޯނުގައި ބެޑުޝީޓެއް ހިތްކަން އަޅަމުންދިޔަ ލައިބާ ވަރަށް ރީތިކޮށް ފެންނަމުންދިޔައެވެ.

“ކާކުގެ ވާހަކައެއް ތިދައްކަނީ؟” އަޒުރާއަށް ނަދީމާ އޮޅުންފިލުވަން އުޅޭކަމެއް ނޭގުނެވެ.

“މަމިއަހަނީ އެފަހަރު ލައި ބަނޑުބޮޑުވީ ކާކަށްހޭ، ކާކުހޭ އޭނަ އެހާ ކުޑައިރު އެފަދަ ގުޅުމެއްހިންގީ، އެސުވާލު ކުރިއަސް އަޒުރާ އެކަމަށް ސަމާލުކަމެއްނުދޭ، ކިހާވަރަކަށް އަހަރެން އެހިން، އަސްލު އެކަމުގައި އަހަރެންވެސް އެހީތެރިވެދޭން އުޅުނީމަ އެސުވާލުކޮއްލެވުނީ” ނަދީމާ ބަތްސުވާ އަނގަޏަށްލަމުން ބުނެލިއެވެ.

“ހޫމް…އެކަންތައް ދޯ،އަހާލުމަކުން އެއީ މައްސަލައެއްނޫނެއްނު…މަށަށްވެސް އެކަންވީގޮތެއް ނޭގެ، ފަހުން މަވެސް ނާހަން، އެހެންނުވާނީ، އޭނަ ހިތުން ވަރަށް މޮޅުކަމެއް އެކުރެވުނީ، އަހަރެން އެވަރުކުރީމަވެސް ނުބުނީމަ ދެން އަޅާނުލީ” އަޒުރާ ދޮގެއް ހަދާލިއެވެ. އޭނަ އާއި ނަދީމާ ކިތަންމެ ގާތްކަމުގައިވިޔަސް ޔަޒާން ލައިބާ އާއިއެކު ހިންގާ ޢަމަލުތަކުގެ ވާހަކަތައް ބުނާކަށް އޭނަ ބޭނުމެއްނޫނެވެ.

“މިހާރު އޭނަ އެކަހަލަ ކަމެއްނުކުރާކަން ޔަގީންތަ، އަހަންނަށް ވަރަށް ހީނުވޭ އޭނަ އެފަދަ ގުޅުމެއް ނުހިންގާ ހުންނަހެން، މިބުނީ އޭނަގެ ހަށިގަނޑަށް ބަލާލާފަ، އަޒުރާ އެމަންޖެއާ އެކަހަލަ ވާހަކައެއް ނުދައްކަންތައް، އޭނަގެ ހަށިގަނޑަށް އެފަދަ ބަދަލުތައް އަންނައިރު ސުވާލު ކުރަންވާނެއެއްނު” ނަދީމާ ބުނެލިއެވެ.

“މަށަށް ބެލޭތަ އޭނަ އުޅޭހާ ގޮތެއް، އެވެސް ކުޑަކުއްޖެއް ނޫންވިއްޔަ އުރުގައި ބައިންދައިގެން އުޅެން، އޭނައަށްވެސް ހެޔޮ ނުބައިވަކިވާނެ” އަޒުރާ ނަދީމާ ވާހަކަދައްކަން އުޅޭ މަޢުލޫއަކާއި އެހާ ގަޔާވާގޮތެއް ނުވިއެވެ.

“ތީއޭ އަޒޫގެ މައްސަލައަކީ، އޭނަ މިހާރުވެސް ނޭގެ އޭނދީ ބަލިވެ ނޫންކަމެއް، އަހަރެން މިގެއަށްވަދެލާ މީހާއަށްވެސް އޭނަގެ ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަ ކުރެވޭ، އެކަމަކު ތީ މަންމަ، އަޒޫ ތިބުނަނީ އެވަރަކަށް ތިމަންނައެއް ނުބަލަމޭ ވިއްޔަ….ބޮނޑިއެއް ބުއީމަ ދެން ކާކު ހާސްވެގެން އުޅެންޖެހޭނީ، ލައިބާ އެހެން އުޅެނީ ކީއްވެތޯ މިހާރު ބަލަންވެއްޖެއެއްނު، އޭނަގެ އުޅުން ހުންނަގޮތުންނޭ އަހަރެންވެސް މިކަހަލަ ވާހަކަދައްކަން މިޖެހެނީ، ފިރިހެނުންނަށް ފޯރިހިފާލައިގެން އުޅޭކަހަލަ ކުއްޖަކަށް ލައިބާ ނުވާއިރު އޭނަ މިފަދަ ކަންތައްތައް ކުރުމުގެ ކޮންމެވެސް ސަބަބެއް އޮންނާނެ އެއްނު، އެހެންނޫނީ އަޒޫ އޭނަ މީހަކާ ދެވަންއުޅޭ، އޭރުން އޭނަ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފަ ބެހެއްޓޭނެއެއްނު” ނަދީމާ ލައިބާއަށް ސަމާލުކަން ދިނުމަށް މީގެ ކުރިންވެސް އަޒުރާގާތުގައި ބުނަމުންދެއެވެ. ކީއްވެކަމެއްނޭގެއެވެ. ނަދީމާއަށް ލައިބާއަށް އަބަދުވެސް ކޮންމެވެސް ސިފައެއްގައި އަޅާލެވެއެވެ. އެކަމަކު ފާޅުގައި އަޒުރާ އާއި ދިމާ އިދުކޮޅަށް ތެދުވާކަށް އޭނައަކަށް ނުކެރެއެވެ.

“އަހަރެން އެބަ ވިސްނަމޭ އޭނަ މީހަކާ ދެވަން، އެކަމަކު ކާކުތަ އޭނަ އާއި އިންނާނީ” އަޒުރާ ކައިނިމިގެން ފެންތަށި ބޯލަމުން ބުނެލިއެވެ.

“އޭނަ އާއިވެސް އިންނާނެ މީހަކުވެދާނެ، ނިކަން ރީތި ހެދުމަކާއި އެއްޗެހި ލައްވާލާ އޭނަ ބޭރަށް ފޮނުވާ ހަދާބަލަ، އޭރުންނު މީހުންނަށް އޭނަ ފެންނާނީވެސް، ހުތުރު ކުއްޖެއް ނޫން ލައިއަކީ، މިރަށުގަ ތިއްތިދެއްކެމުން ފަރިއަށް ހިނގާ ކުދިންނަށްވުރެ މިހާރުވެސް އެމަންޖެ ރީތިކޮއްލައިފިއްޔާ މާޗާލުކަމަށް ދައްކާނެ…….އޭ ދެން އެކުން މަށަށް ވާހަކައިގަ އިނދެވޭކަށްވެސް ނެތް، އަހަރެން މިއައީ ހަމަ ކާލައިގެން ދާންކަމަށް، ބުނަން ލައިބާ އާއި ސުވާލުކުރާތި، އޭނަ އަދިވެސް އެފިރިހެނަކާއި ގާތް ގުޅުމެއް ބާއްވަންތޯ؟” ނަދިމާ ކައިނިމުމާއިއެކު ގަޑިއަށް ބަލާލިއެވެ. ހީކުރިވަރަށްވުރެ މާލަސްވެފައި ހުރުމުން އޭނަ އަވަހަށް ޑިއުޓީއަށް ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެލިއެވެ.

“އެކަމަކު އޭނަ ހޮޑުލާ ބަލިވެ އުޅޭތަނެއްވެސް އަހަންނެއް ނުދެކެން، މިހާރު އޭގެ ފަހުން ކިތަށް އަހަރު މިވަނީ” އަޒުރާވެސް ނަދީމާ އާއިއެކު ބަދިގެއިން ނުކުންނަމުން ބުނެލިއެވެ.

“ވެދާނެއެއްނު، އެފަހަރު ލައި ބަލިވެއިންކަން އޭނައަށް އެނގި ދޭތެރެ ދުރުކޮއްލީކަމަށްވެސް، ދެން އެހެންވިޔަސް އަޅެ އަހާލަބަލަ އެމަންޖެ ކައިރިން، އަހަންނަށް ވަރަށް ލަސްވޭއެބަ ދެންދަނީ އިނގޭ” ނަދީމާ އަޒުރާގެ ފަހަތުން ނުކުންނަމުން ބުނެލިއެވެ.

“އާން، އަވަހަށް ދޭ، އަދި އަންނައްޗޭ ހަވީރުން ޑިއުޓީ ނިންމާލާފަ” އަޒުރާއަށް ވުރެ ކުރިން އަވަސް ފިޔަވަޅުތަކުގައި ނަދީމާ ނުކުމެގެން ދާންފެށުމުން ބުނެލިއެވެ.

އަޒުރާ ކޮޓަރިއަށް ވަންނަން އުޅެފަވެސް ބަދިގޭ ކާމޭޒުމަތީ އެމީހުން ކައިފައި ހުރި ތަށިތައް ހުންނާނެތީ ލައިބާ ވީ ހިސާބެއް ބަލާލިއެވެ. އޭރު ގޭގައި އެދެމައިން ނޫނީ އެހެން އެކަކުވެސް ނޫޅެއެވެ. އޭނަ ގޮސް ލައިބާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފާލީ ހުޅުވާލުމަށެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ހަރުކަށި ގޮތަކަށް ލައިބާގެ ނަމުން ގޮވާލިއެވެ.

“މި ހުޅުވަނީ” ލައިބާ ކޮޓަރި ތެރެއިން ބުނެލިއަޑުއިވުނެވެ.

ގިނައިރުތަކެއްނުވެ ލައިބާ ކޮޓަރި ދޮރުހުޅުވާލިއެވެ. އޭނަ އެނިކުތީ ފެންވަރައިގެންކަން އަޒުރާއަށް އެނގުނެވެ. އޭރު ލައިބާގެ އިސްތަށިގަނޑުގެ ކޮޅުގައި ކޮންމެވެސް ވަރަކަށް ތުވާލިއޮޅާލައިގެން ހުއްޓެވެ. އޭނައަށް ދޮރުމަތީ ހުރި އަޒުރާ ފެނުމުން ކިހިނެތްވީތޯވެސް އަހާނުލާ ކޮޓަރީގެ ތެރެއަށް ހިނގައިގަންނަމުން ތުވާލިން އިސްތަށިގަނޑު ހިއްކަންފެށިއެވެ.

“ކާމޭޒުމަތީ ހުރި ތަށިތައްނަގާތި” އަޒުރާ އެހެންބުނެލަމުން އެކޮޓަރިތެރެއަށްވަނެވެ.

ލައިބާ ބުރުގާ އެޅުވިފަހުން އަޒުރާއަށް އޭނަ ބުރުގާނާޅާ ހުއްޓައި ފެނުނުމީ ފުރަތަމަފަހަރެވެ. ލައިބާގެ މުށިކުލައަރާ އިސްތަށިގަނޑުވެސް އޭނަގެ ކޮނޑަށްވުރެ ތިރިއަށްވަނީ ދިގުވެފައެވެ. ހަށިގަނޑުގެ ކުލައަށް އަދިވެސް ބަދަލެއްނާދެއެވެ. ނަދީމާ ބުނީ ތެދެއްކަން އަޒުރާއަށް އިޙްސާސްވިއެވެ. މީހަކު ރީތިކޮއްލައިފިނަމަ އަނގުބޮޑު ޖަވާހިރެއްފަދައިން ލައިބާގެ ރީތިކަމުގެ ބެބުޅުންތައް ހާމަވެގެންދާނެއެވެ. އަދި އެހާ އަގުބޮޑުކޮށް އޭނައަށް ލައިބާ ވިއްކާވެސް ލެވިދާނެއެވެ. އަޒުރާއަށް ލައިބާގެ ބަނޑުގައި އަޅައިގަނެވުނީ ދެނެވެ. ކުރިން ލައިބާގެ ހަށިގަނޑުގައި ލައްވާނުލާ ދޫކޮއްހުރި ހެދުން މިހާރު ހުރީ ގަޔަށް ފަހާފައިވާ ހެދުމެއްހެންނެވެ. އޭނަ ފަލަވަނީ ބާއޭ އަޒުރާ ހިތަށްއެރިއެވެ. އެހެނީ ލައިބާ ބަލިވެ އުޅޭތަނެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ކުރިއަށްވުރެވެސް މިހާރު ވަކިން މުރާލިވެފައި ހަރަކާތްތެރިކަމަށް ފާހަގަކުރެވެއެވެ.

“ބަނޑުބޮޑުތަ، އާދެބަލަ މިކޮޅަށް…މަށަށް ދައްކަބަލަ ތިހެދުން ހިއްލާފަ ބަނޑު” އަޒުރާ ޔަޒާންގެ އެނދުގައި އިށީނދެލަމުން ފާޑަކަށް ބުނެލިއެވެ. އެއީ އޭނަ ޔަގީންވެގެން ބުނިއެއްޗެއް ނޫނެވެ.

“ކީއްކުރަން، އަހަރެން ބަނޑުބޮޑެއްނޫނޭ” ލައިބާ އަވަސް އަވަހަށް ބުނެލިއެވެ. އަދި އަޒުރާ އާއި ކުރިމަތިނުވާނޭ ގޮތަކަށް އެނބުރިހުރެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައެވެ.

“މަށަށް ފުރަގަސް ދޭށޭތަ މަމިބުނީ، މިކޮޅަށް އައިސް ނިކަން ތިބަނޑު އަހަންނަށް ދައްކަބަލަ” އަޒުރާ ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.

“ނޫޅެން ދައްކާކަށް، ކަލެއަށް އަހަރެންގެ ތަންތަން ދައްކަންޖެހޭތަ….މަމިދަނީ ތަށިތައްނަގަން” ލައިބާ މޭޒުމަތީ ފުނާ ބާއްވަމުން އެތާގައި ހުރި ގޮނޑީގައި އަޅުވާލާފައި އޮތް ބުރުގާ ދަމައިގަންނަފަދަ ގޮތަކަށް ހިފައިގެން ކޮޓަރިން ނުކުންނަށް އުޅުނެވެ.

“މިކޮޓަރިން ބޭރަށް ކަލޭ ފިޔަވަޅެއް ނާޅާތި އިނގޭ، ޖަދަލުކުރަން އަދިވެސް އެބައުޅެޔޭ، ކަލޭ ކައިރީ އަހަރެން މިބުނަނީ ތިބަނޑުދައްކަ ބަލާށޭ، ބަނޑުބޮޑު ނޫނިއްޔާ މިހާރު ދެން ދައްކަންވީނު، މަވެސް މިއުޅެނީ ކުރާނެ ކަމެއްނެތިގެންނެއް ނޫންވިއްޔަ…އެކަމަކު ބުނަން ކަލެއަށް ރަނގަޅުވާނީ އަހަރެން ބުނާގޮތް ހެދިއްޔާ، ތިހެން ޖަދަލުކުރުމުގެ ނަތީޖާ ނުކުންނަނީ ކިހިނެތްކަން ކަލެއަށް ހަމަރަނގަޅަށް އެނގޭނެ، އަހަރެންގެ އަތުން ފައިން ގޯހެއް ހަދަން ބޭނުންނުވަންޏާ މިކޮޅަށް އާދޭ” އަޒުރާއަށްވެސް އެނދުން ތެދުވެވިއްޖެއެވެ.

ނުކުންނަން އުޅެފަވެސް ލައިބާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އަޒުރާގެ ގޮތް އޭނައަށް ނޭގެނީކީ ނޫނެވެ. އޭނަގެ ހަރުކަށިކަމާއި ރަހުމް ކުޑަކަންވެސް އޭނައަށްވަނީ ފެނި އިޙްސާސް ކުރެވިފައެވެ. ހަތަރެސްފައި ފިނިވެފައިވިއެއްކަމަކު ލައިބާގެ އަތްތިލައިން ދާހިތްލަންފެށިއެވެ. ހާސްކަން މީހާއަށް ލިބެމުންދިޔަވަގުތު ބަނޑުގައިވާ ތުއްތުކުއްޖާ ތޮޅިލިއެވެ. ލައިބާއަށް ހިންދިރުވާލެވުނެވެ. އަޒުރާއަށް އޭނަ ބަލިވެއިންކަން ޔަގީންވެއްޖެއްޔާ ބަނޑުގައިވާ ދަރިފުޅަށް ހަދާނެގޮތެއްވެސް ނޭގެއެވެ. ބަނޑުގައިވާ ފުރާނައަށް އެއްވެސް ގެއްލުމެއްވާކަށް ލައިބާ ބޭނުމެއްނޫނެވެ.

“އަހަރެން މިކުއްޖާ އުފަން ކުރާނަން، އަހަރެން މިކުއްޖާ އުފަންކުރާނަން…” ލައިބާ ހިތާ ހިތާ ކިޔަމުންދިޔައެވެ. އޭނަ ސިހިގެންދިޔައީ އަޒުރާ ތިންވަނަ ފަހަރަށް ހަޅޭލަވައިގަތުމުންނެވެ. އެހެންނަމަވެސް ހުރިތަނުން ގުޑާވެސް ނުލިއެވެ. ދެން ވާނެ ގޮތެއްނޭގި ބިރުގެންފައި ހުރި ލައިބާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. ހާސްކަމުގެ ތެރެއިން ދެއަތްދެއަތާ ޖޯޑުކޮއްލެވުނެވެ. އަދި ބަނޑާގާތްކޮއްލެވުނެވެ. ކުއްލިއަކަށް ލައިބާގެ އަތުގައި ހިފާ އަޒުރާ ދަމައިގަތެވެ. ނުވިސްނާހުރި ލައިބާ އެއްފަރާތަކަށް ވިއްސައިގެންދާފަދަ ގޮތަކަށް ދެތިންފިޔަވަޅާއިއެކު ނަސީބަކުން ނުވެއްޓި ހިންދަމާލެވުނެވެ.

އަޒުރާގެ ކޮންމެ އިޝާރާތަކާއިއެކު ލައިބާ ސިހިގެންދެއެވެ. އެހެނެއްކަމަކު ލައިބާވެސް ގޮތްދޫކުރާ ހިޔާލެއް ނުކުރެއެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެތި އަޒުރާ ލައިބާގެ ހެދުމުގައި ހިފާ ދަމައިގަންނަމުން މައްޗަށްނެގިއެވެ. އެއާއެކު ލައިބާގެ ބަނޑުފެނިފައި އަޒުރާގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުން އެރިއެވެ. ލައިބާ އަވަސް އަވަހަށް ހެނދުން ރަނގަޅުކޮއްލުމާއިއެކު ކޮޓަރިން ބޭރަށް ނުކުތެވެ. ނޭވާކުރުވެފައި ހުރެ އަވަސް ފިޔަވަޅުގައި އޭނަ ހިނގައިގަތީ ގޭންބޭރަށް ނުކުތުމަށެވެ. ގޭދޮރުމަތީ ހުރެ މަގުގެ ދެފަރާތަށް ބަލާލި ވަގުތު އަޒުރާގެ އަޑުއިވުނެވެ. އޭނަގެ ނަމުން ގޮވާލިއަޑެއެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ލައިބާ އަތިރިމައްޗާ ދިމާލަށް ހިނގައިގަތެވެ. މެންދުރުގެ ވަގުތަށްވެފައި ދީފައިވާ ގަދައަވީގައި ލައިބާގެ ހިނގުން އަވަސްވެފައިވާއިރު އޭނަގެ ނިތްކުރިންނާއި ހަށިގަނޑުން ހިއްލަމުންދިޔަ ދާތިކިން އެއްވެސް އުނދަގުލެއްވާހެނެއް ހިޔެއްނުވެއެވެ. އެހެނީ އެންމެ ފަހަރަކުވެސް އަތުން މޫނުފޮހެލުމަކަށް އޭނަ ނޫޅެއެވެ. ގަދައަވިން މަގުމަތީގެ ފަސްގަނޑުވެސްވަނީ ދޮންވެފައެވެ. އަތިރިމަތީގެ މަޑުފަހުގައި ފައިއަޅަމުން ދިޔަވަރަކަށް ހަށިގަނޑުގެ ބަރުމިނަށް ކޮންމެވެސް ވަރަކަށް ފަހުގެ ތެރެއަށް ފައިތިލަ ގަނބަމުންދިޔައެވެ. ފައިތިލާގައި އެއްވެސް ހުރަހެއްނެތި ބީހެމުންދިޔަ ދޮންވެލިތަކުން ހޫނުކަން އިޙްސާސް ވާވަރަށްވުރެ ލައިބާގެ ސިކުނޑީގެ ހާސްކަން ބޮޑެވެ.

ކުއްލިއަކަށް ލައިބާ ހުއްޓިފައި ފަހަތަށް ބަލާލިއެވެ. އޭރު އޭނަގެ އަނގަހުޅުވި މާނޭވާލެވެނީއެވެ. އިޙްތިޔާރަކާއިނުލާ މޭގައި އަތްޖައްސާލެވުނެވެ. ގަދަ ހޫނުގައި ދުރުބަލާލުމުގެ ނިޔަތުގައި ދެލޯ ކުޑަކޮއްލަމުން ލައިބާ އައިދިމާލަށް ބަލާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް މޫދުގައި އަތްދޭތެރެއަށް ފުޅިފައްޗެއް ލައްވައިގެން އުޅޭ ކުދިވެރިންތަކެއް ސަކަރާތްޖަހަމުން ދިޔަމަންޒަރު ކުޑަތަންކޮޅެއް ދުރުން ލައިބާއަށް ފެންނަމުންދިޔައެވެ. ލައިބާ މަޑުމަޑުން އައިކޮޅަށް ހިނގަންފެށިއެވެ. އަދި ބުރުގާގެ ކަންގަނޑު ހިއްލާލުމާއިއެކު މޫނުފޮހެލިއެވެ. މީހާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ލައިބާ އަމިއްލަ ބަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. އޭނަގެ ސިކުނޑީގައި އެކިއެކި ހިޔާލުތައް ބުރުޖަހަމުންދިޔައެވެ. އަޒުރާގެ ކިބައިން އަދި ސަލާމަތް ވެވުނީކީ ނޫންކަން ހުދު އޭނައަށްވެސް އެނގެއެވެ. އެކަމަކު މިވަގުތު އަޒުރާގެ ރުޅިގަނޑާއި ކުރިމަތިލާން ލައިބާ ބޭނުންނުވީއެވެ.

ލައިބާ އެނބުރި އައިކޮޅަށް ހިނގަމުންދަނިކޮށް ހިމޭންކަންވެރިވެފައިވާ ފަޒާގެ ތެރެއިން ފިނިފިނިވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހީލާފައި ދިޔަކަން އިޙްސާސްކުރެވުނެވެ. ވެފަހުރި ވަރުބަލިންނާއިއެކު އަދި އަޒުރާގެ ރުޅިވެސް މައިތިރިނުވާނެކަން އެނގޭތީ ލައިބާ ގަސްތުކުރީ އަތިރިމަތީ މަޑުކޮއްލުމަށެވެ. އެހެންވެ ހެދިފައިހުރި ބޮޑުރުކެއްގެ ހިޔަލުގައި ލައިބާ އިށީނެވެ. އޭރު މޫދުގައި ސަކަރާތްޖަހަމުން ދިޔަކުދިންތައް ލައިބާއަށް ފެންނަމުންދިޔައެވެ. އެއްކުއްޖެއް އަނެއްކުއްޖެގެ ކޮނޑަށް އަރާފައި ފުންމާލުމާއި ލޮނުގަނޑުގެ ތެރޭ ބަނޑިޖަހާގަނެފައި ދުރަށް ފަތައިގަންނަ މަންޒަރުބަލަން ލައިބާ އިންއިރު އޭނަގެ ހިތަށް ފިނިކަން އީޙްސާސް ކުރެވެމުންދިޔައެވެ. ގުދުރަތުގެ ސާފުވައިން ހަށިގަނޑު ފުރާލިއެވެ. އަދި މަޑުމަޑުން ރުކުގައި ހަށިގަނޑު ޖައްސާލަމުން ލެގިލިއެވެ. އެހެންއިންއިރު ލައިބާގެ ހިތަށް އަރަމުންދިޔައެވެ. ދުވަހަކުވެސް ގެއަށް ދާންނުޖެހޭނެނަމައެވެ. އަޒުރާ އާއި ޔަޒާން ދުވަހަކުވެސް ނުފެންނަ ހިސާބަކަށް ދެވޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ. މިހާރު އަޒުރާ ލައިބާގެ ބަނޑުގައި އޮތް ދަރިފުޅަށް ހަނދާނެގޮތް ރާވަމުންގެންދާނެކަން ކަށަވަރެވެ. އެހުރިހާ ކަމަކުން އޭނަ ސަލާމަތްވާނީ ކިހިނެތް ހެއްޔެވެ. ސަލާމަތްވާން ހަދާނީ ކިހިނެތްހެއްޔެވެ. މަޑުމަޑުން ލޯމަރާލިވަގުތެވެ. ހީވީ މީހަކު ލައިބާގެ މޫނަށް ފުމެލިހެންނެވެ. ސިހުމަކާއިއެކު ލޯހުޅުވާލެވުނެވެ. ދެފަރާތްހޯދާލެވުނެވެ. ކައިރީގައި އެކަކުވެސް ނެތެވެ. އޭރުވެސް މޫދުގައި އުޅޭކުދިންގެ އަޑު ލައިބާއަށް އިވެމުންދިޔައެވެ. އެދިމާލަށް ބަލާލުމާއިއެކު ލައިބާއަށް ހައިރާންކަންވެރިވިއެވެ. ގަދައަވީގައި ދޮންވެލިގަނޑުމަތީ އިށީނދެލައިގެން އިން ޒުވާނަކު ފެނުމުންނެވެ. ލައިބާއަށް ފެންނަމުންދިޔައީ އޭނަގެ ހާމަވެފައިވާ ބުރަކައްޓެވެ. ގައިގެ ކުލަ އައްޔެއްނޫނެވެ. ހީވާގޮތުން އަވީގައި އަބަދު އުޅުމުގެ ސަބަބުން ހަމުގެކުލަ ބަދަލުވެފައިވާކަހަލައެވެ. ބޮލުގެ އިސްތަށިގަނޑު ދިގެވެ. ލައިބާއަށް އަނެއްކާވެސް ދެފަރާތް ހޯދާލެވުނެވެ. އެޒުވާނާ އައީ ކިހިނެތްބާއޭ ހިތަށް އަރާފައެވެ. އެހެނީ އޭނަގެ ދެލޯ މަރާލުމުގެ ކުރިން އެތަނުގައި އެކަކުވެސް ނުވާކަމެވެ. އަދި ލައިބާގެ ދެލޯ މަރާލައިގެން އިންނަތާ ފަޅިސިކުންތުކޮޅެއްވެސް ނުވާނެތީއެވެ. ލައިބާ ތެދުވެގެން ދާންވެސް ހިތައްއެރިއެވެ. އެހެންނަމަވެސް ތެދުވެގެންދާކަށް ނުކެރުނެވެ. ފަހަރެއްގައި ލައިބާ ދާންތެދުވާތަނުން އެޒުވާނާ ލައިބާއަށް ބަލާލަފާނެތީއެވެ.

ލައިބާ ރުއްދަށުގައި އިންނަތާ ގަނޑިއެއްހާއިރުވެގެން ދިޔައެވެ. އެހެންނަމަވެސް ގެއަށްދާ ހިޔާލެއް ނެތެވެ. މެންދުރުފަސްވެއްޖެކަން ގައިމެވެ. އަދިވެސް ލައިބާ ގެއަށް ދާކަހަލަ ހިޔާލެއް ނުކުރެއެވެ. ލައިބާގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ދޮންވެލިގަނޑުމަތީ އިށީނދެލައިގެން އިންޒުވާނާ މަޑުމަޑުން ތެދުވިއެވެ. އަދި ދެއަތްދެއަތާއި ފޮޅާލަމުން އޭނަގެ ކައިރީގައި އޮތް ހުދުކުލައިގެ ގަމީސްނަގާ އެވެސް ފޮޅާލިއެވެ. އޭނަ ހިނގައިގަތީ މޫދާ ދިމާލަށެވެ. އަތުގައި އޮތް ގަމީސް ލައިގެން ހުރި މުށިކުލައިގެ ސޯޓުގެ އަރިމަތީ ޖީބަށް ގަމީހުގެ ބައެއް ކޮއްޕާލަމުން މޫދާގާތަށް ހިނގަމުންދިޔައެވެ. ރަށުގެ އަތިރިމަތީގެ ފަސްގަނޑު ހެދިފައިއޮންނަގޮތުން ލައިބާ އިށީނދެލައިގެން އިންހިސާބަކުން ރާޅުޖަހާތަނެއްނުފެނެއެވެ. އެދިމާލަށް ފަސްގަނޑު އޮންނަނީ އަޑިވެފައެވެ. އެހެންވެ އެޒުވާނާ މޫދަށް އެރުނުކަމެއް ލައިބާއަކަށް ނޭގުނެވެ. އެހެންނަމަވެސް މޫދުގައި ފޯރިއާއިއެކު ހަޅޭލަވާ ސަކަރާތްޖަހަމުންދިޔަ މީހުންނަށްވުރެ ލައިބާގެ ސަމާލުކަން ދެވިފައިވަނީ އެކާކުކަން ނޭގޭ ޒުވާނާއަށެވެ. ކީއްވެކަމެއްނޭގެއެވެ. ހިތާ ސިކުނޑި އެފަރާތަށް ބެލުމަށް ލޮލަށް ބާރުފޯރުވާކަހަލައެވެ. ލައިބާއަށް މިހާރު އެޒުވާނާގެ ފެންނަނީ ފައިގެ ވަކިހިސާބަކުން ފެށިގެން މައްޗެވެ. އޭނަ ގުދުވިތަންފެނުނެވެ. އަދި އެހާއަވަހަށް ތެދުވަމުން އޭނަގެ ދިގު އިސްތަށިގަނޑުގައި ދެއަތުން އަތްހާކާލީ ރީތިކޮއްލުމުގެ ބޭނުމުގައި ކަންނޭގެއެވެ. ހަމުގެކުލަ އަލިނޫނަކަސް އެޒުވާނާގެ ގައިގާ ރީތިގޮތެއް ހުރިކަން ލައިބާއަށް ފާހަގަކުރެވުނެވެ. އޭރު އަދި އެޒުވާނާގެ މޫނުވެސް ނުފެނެއެވެ. އޭނަ މަޑުމަޑުން ބަރުފިޔަވަޅުތަކެއް އަޅަމުން ކަހަލަ ގޮތަކަށް އެނބުރި ކުރިންވެސް އިށީނދެގެން އިންދިމާލަށް އައެވެ. ލައިބާ އަވަސް އަވަހަށް އެހެން ދިމާލަކަށް ނަޒަރު އަނބުރާލެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކުވެސް ލޮލުގެ ހިމަކޮޅުންވިޔަސް އޭނައަށް ބަލާލެވެނީ އެޒުވާނާ ހަދަނީ ކިހިނެތްތޯއެވެ. އޭނަ އިށިންނާކަށް ނޫޅެއެވެ. އަންނަމުންދިޔައީ ލައިބާ އާއި ދިމާލަށްކަން އެނގުމުން އޭނައަށް ހަދާނެގޮތެއްނޭގުނެވެ. އަތުގެ ތެރޭ ބުރުގާގެ ކަންގަނޑު އިނގިއްޔަކަށް އޮޅާލަ އޮޅާލަ އިނެވެ. އެޒުވާނާ އައިގޮތަށް ހުއްޓުނީ ލައިބާގެ ކުރިމަތީއެވެ. ލައިބާއަށް އިސްއުފުލާ ބަލާލަކަށް ނުކެރުނެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީއެވެ.

“ލަދުވެތިކަން……..މާތް ސިފައެއް، ރީތި ސޫރައެއް….” އިރުކޮޅަކުން ބަލަން ހުރެފައި ފިރިހެންވަންތަކަމުން ފުރިގެންވި ލުއިލުއި ހިނިތުންވުމަކާއިއެކު އެޒުވާނާ ބުނެލިއެވެ. އެޒުވާނާގެ އަޑުއިވުމާއިއެކު ލައިބާގެ ހަށިގަނޑުގެ ހުރިހާ އިސްތައްޓެއް ކޮޅައްޖެހުނުކަހަލައެވެ. އޭނަގެ ކަންފަތުގެ ހިނދުރީގައި އެޒުވާނާގެ އަޑުހަރުލާފައިވާކަހަލައެވެ. ލިބުނު ކުއްލި ހައިރާންކަމާއިއެކު ލައިބާއަށް އެޒުވާނާއަށް ބަލާލެވުނީ އެއަޑު އަހާފައިވާކަން ޔަގީންވެގެންނެވެ. ލައިބާ އާއި އެޒުވާނާގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. އެޒުވާނާގެ ލޮލުގެ ކަޅުކަޅީގައި އާދަޔާއި ހިލާފު ވިދުމެއްވިއެވެ. ފަންއިސްތަށިގަނޑު މޫނުގެ ދެފަރާތަށް ބައިކޮއްލެވިފައިވާއިރު ދިގުކަމުން ކޮނޑުން ތިރިއަށް ފައިބައިފައިވެއެވެ. ލައިބާ އެޒުވާނާއެއް ދުވަހަކުވެސް ނުދެކެވެ. އެކަމަކު އެއަޑުގައި ގާތްކަމާއި ދަންނަވައްތަރު އެކުލެވިފައިވެއެވެ. އެއީ އޭނަގެ އުމުރުން ވަރަށް ކުޑައިރުއްސުރެވެސް އެއަޑު ލައިބާވަނީ އަހާފައެވެ. ގިނައިން އިވެނީ އެކަނިވާ ވަގުތުތަކުގައެވެ. ގޭތެރޭ ބަދިގޭ މަސައްކަތުގައި އުޅެނިކޮށެވެ.

“ކިހިނެތްވީ، ބިރުގަތީތަ، އަހަރެން އެހާ ބިރުވެރިތަ؟” އެޒުވާނާ ދެވަނަ ފަހަރަށްވެސް ވާހަކަދެއްކިއެވެ. މިފަހަރު ލައިބާގެ ހަރަކާތްތައް ތަފާތުވިއެވެ. އޭނަ އާއި މިހާ ގާތްކޮށް ދުވަހަކުވެސް ޒުވާނަކު ވާހަކަދައްކާފައެއްނެތެވެ. އަނެއްކޮޅުން އެޒުވާނާގެ އަޑުގެ ސަބަބުންނާއިއެކު އޭނަގެ ފަރާތުން ނުރައްކަލެއް ދިމާވުމަކީ ނާދިރުކަމެއްކަމުގައި ލައިބާއަށް ދެކެވުނެވެ. ލައިބާ ހިނިތުންވެލަމުން އެދިގު އެސްފިޔަތަކާއިއެކު އޭނަގެ ބެލުން ތިރިކޮއްލަމުން ނޫނެކޭ ބުނެ މަޑުމަޑުން ބޯހޫރުވާލިއެވެ.

“މިހާ އަވިގަދަ ވަގުތެއްގައި މިތާނގަ ކީއްކުރަނީ” އެޒުވާނާ ވާހަކަދެއްކިއެވެ.

“ކަމެއްނުވޭ، ހަމަ މޫދު ބަލާލަން އިނީ” ލައިބާ ދޮގެއް ހަދާލިއެވެ. އޭނަ އެޒުވާނާއަށް އޭނަގެ އެއްވެސް ވާހަކައެއް ކިޔާދޭކަށް ގަސްދެއްނުކުރެއެވެ. ކިތަންމެ ރަނގަޅު މީހެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް އެއްވެސް މީހެއްގެ ހަގީގަތެއް ނޭގޭނެއެވެ. މީހުންނަށް އިތުބާރުކުރުމަކީ ލައިބާއަށް ކުރަން އެންމެ އުނދަގޫވާނެ ކަންތަކެވެ.

“ވަރަށް އާދަޔާ ހިލާފު” އެޒުވާނާ ބުނެލިއެވެ.

“ކީއްވެ” ލައިބާ މަޑުމަޑުން އަހާލިއެވެ. އޭނައަށް މާގިނައެއްކޮށް އެޒުވާނާއަށް ބަލާކަށް ނުކެރެއެވެ.

“އާމުކޮށް މިރަށުގެ ރީތިއަންހެން ކުދިން ބައިބަޔަށް އަންނަނީ ހަވީރު އަވިނިވާލީމަ، އެގަޑީގަ އާމުކޮށް ފިނިވައިރޯޅިއެއްވެސް ޖެހިލާނީ، އަނެއްކާ ރަށުގެ ޒުވާނުންވެސް މިއޮއްދިމާލަށް ދޫނި ހިފަންށޭ ކިޔާފަ އަންނާނީވެސް އެގަޑީގަ، ތިހާ ރީތި ކުއްޖަކު މިހާ މީހުން މަދުގަޑިއެއްގައި އައިސްތިއިނީ އެއްވެސް ބޭނުމެއްނެތި، ވައިރޯޅިއެއްވެސް ޖެހިލަނީކީ ނޫން، އެކަމަކުވެސް ހަމަތިއިންނަނީ މިތާގަ އުޅޭ އެހެން މީހުން ކުރާ ކަންތައްތައް ބަލަން، އަހަރެން ހީކުރީ މީހަކާ ބައްދަލު ކުރަން އައިސް އިން ކުއްޖެއްކަމަށް، ކައިރިއަށް މިއައީ ހަބަރު އޮޅުންފިލުވާލަން ބޭނުންވިވަރުން، މިހެން ހުރިހާ ވާހަކައެއް ދެއްކީމަ ހިތަށް އަރާފާނެ އަހަރެން މީ އަންހެން ކުދިންގެ ފަހަތުން އުޅޭމީހެކޭ….އެކަމަކު ތެދަށް ބުނަން، މިނޫނީ ދުވަހަކުވެސް އަންހެން ކުއްޖަކާ ވާހަކައެއް ނުދައްކަން” އެޒުވާނާ ލައިބާގެ ކުރިމަތީ އުޑުފައިން އިށީނދެލަމުން ލައިބާގެ މޫނަށް ބަލާލަމުން ބުނެލިއެވެ

“މީގެ ކުރިން އަހަރެންދަންނަނަތައް، އެއްވެސް ތަނަކުން އަހަންނަށް ގޮވިންތަ” ލައިބާ އަދިވެސް ޔަގީންކުރަން ބޭނުންވަނީއެވެ. އެއަޑުގައި އެވާ ހިތްގައިމު ފިރިހެންވަންތަކަން އޭނަގެ ހިތަށް އުނދަގޫކުރަނީއެވެ.

“އަހަރުމެން ދެމީހުން އަދި ދުވަހަކުވެސް ދިމައެއްނުވެއެއްނު، އެކަމަކު ދިމާވީތީ އަހާލަން ބޭނުން، ތިކުއްޖާގެ ހާލުކިހިނެތްތައް؟ ރަޙުމަތްތެރިއަކަށް ވެވިދާނެތަ؟” އެޒުވާނާ ހިނިއައިސްފައި އަހާލިއެވެ.

“ކީއްވެ އެއްޗެއް ނުބުނީ” ލައިބާ ވަކިއެއްޗެއް ނުބުނެ ހީލުމާއިއެކު އެޒުވާނާ ބުނެލިއެވެ.

“ތި ދެސުވާލަށްވެސް ދޭނެ ޖަވާބެއް އަހަންނަކަށް މިވަގުތު ނޭގެ، ހިނިތުންވެލީ އެވަރުން ފުދޭނެކަމަށް ހީކޮށް، މިތަނަށް ކޮންމެ ދުވަހަކުވެސް އަންނަންތަ” ލައިބާ ސުވާލުކޮއްލިއެވެ.

“ހޫމް، އެކަމަކު އެއީ ހަމައެކަނި ރޭގަނޑު، މިއަދު އެކަނި މިއައީ މިގަޑީގަ، އެހެންޏާ އަހަރެން މިތަނަށް އަންނަ ގަޑީގަ އެހެން ހުރިހާ އެންމެން ގެއަށް ދިއުމަށް ހިނގައިގަންނާނެ، އެގޮތް އަހަންނަށް މާކަމުދޭ، މިބުނީ އަހަންނަކީ އެކަނިވެރިކަމަށް ލޯބިކުރާ މީހެކޭ” އެޒުވާނާ ބުނެލިއެވެ.

“އެކަމަކު އުމުރުން އެހާ ދުވަސްވި ވައްތަރެއްނުޖަހާ، މައިންބަފައިންނާއިއެކުއެއް ނޫންތަ އުޅެނީ” ލައިބާ އެޒުވާނާއަށް ވަރަށް ފުންކޮށް ބަލާލަމުން ބުނެލިއެވެ. އޭނަ އެޒުވާނާގެ ލޮލަށް ބަލާލީ އޭނަދައްކަމުންދިޔަ ވާހަކަތަކުގައި ކިހާވަރެއްގެ ތެދުވެރިކަމެއް އެކުލެވިފައިވޭތޯ އެދެލޮލުން ހާމަވޭތޯ ބެލުމުގެ މަގުސަދުގައެވެ. ނަމަވެސް އެދެލޮލުގައި ލައިބާއަށް ބާރުފޯރުވާފަދަ ބާރެއް އެކުލެވިފައިވިއެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކުން ބާރުދޫވާފަދައެވެ. މަސްތުކަމެއްގެ ތެރެއަށް މީހާ ގެންދާފަދައެވެ. ލައިބާއަށް އެދެލޮލުން އޮޅުން ފިލުވަން ބޭނުންވި ކަންތައްނޫން އެހެން އެތަށްކަމެއް އިޙްސާސްކުރުވިއެވެ. އިރުއިރުކޮޅާ މޫނުމައްޗަށް ވެއްޓުނަނުދީ އޭނަގެ ފަންއިސްތަށިތައް އަތުން އެއްފަރާތްކޮއްލައެވެ.

“އަހަރެންގެ ބައްޕަ އާއިއެކު އަހަރެން އުޅުނީ، އެކަމަކު މިހާރު މިދުނެއަކުނެތް، އޭގެ ފަހުން އެތަށް އަހަރުތަކެއް ވޭތުވެގެން ހިނގައްޖެ، މިހާރު އެކަނި އުޅެއުޅެ އެއްގޮތްވެއްޖެ، ވާހަކައެއް އަހާލަންތަ، ކޮންއިރަކުން އަހަންނަށް ތިކުއްޖާގެ ނަމުން ގޮވާލާނެ ފުރުޞަތެއް ލިބޭނީ” އެޒުވާނާ ބުނެލިއެވެ. ލައިބާ ލަދުވެތިކަމާއިއެކު އަނެއްކާވެސް ހީލިއެވެ. އަދި އޭނަގެ ކުރިމަތީ އަދިވެސް ގުޑިވެސް ނުލާއިން ޒުވާނާއަށް ބަލާލިއެވެ. މީ ކާކުހެއްޔެވެ. ކުއްލިއަކަށް އައިނައިގޮތެއްވެސް ނޭގެއެވެ. ފެނުނީ ކުރިމަތީގައި އިށީނދެލައިގެން އިންދައެވެ. ލައިބާގެ ގާތަށް އައީވެސް ހުދު އެޒުވާނާ އަމިއްލައަށެވެ. މިވަނީ ކިހިނެތްހެއްޔެވެ. އަނެއްކާ ލައިބާގެ ހިތުގެ މުރާދު ފުރިހަމަވަނީބާއެވެ. މީ އޭނަގެ ހިތްއެދޭފަދަ ޒުވާނާބާއެވެ. ލައިބާގެ ހަޔާތުން އުނިވެފައިވާ ލޯތްބާއި އުފާވެރިކަންބާއެވެ.

ލައިބާ އޭނަގެ ގާތުގައި އިން ޒުވާނާގެ އެދުމުގެ މަތިން ނަންހާމަކުރިއެވެ. ވާހަކަ ދައްކާލަން އިންނަން ލައިބާ ބޭނުންވިކަމުގައިވިޔަސް އަތިރިމައްޗަށް އަންނަމުންދިޔަ މީހުންގެ އަދަދު ގިނަވަމުންދިއުމާއިއެކު އޭނަ ބޭނުންވީ އެނބުރި ގެއަށްދާށެވެ. މަޑުމަޑުން އިންތަނުން ތެދުވަން އުޅެންފެށުމުން އެޒުވާނާ ލައިބާގެ އަތުގައި ހިފާލަމުން ތެދުވަން އެހީތެރިވެދިނެވެ. ލައިބާގެ މޫނު ލަދުން ރަތްވެގެންދިޔައެވެ. ރަކި ހިނިތުންވުމަކާއިއެކު ލައިބާ އަވަސް އަވަހަށް އަތްދުރަށްލަމުން ދަނީއޭ ބުނެ އެޒުވާނާއަށް ފުރަގަސްދިނެވެ. އެލަދުވެތިކަމުގެ ފަރުދާގައި ނިވާވެލީ އެޒުވާނާގެ ނަންވެސް އަހާލަން ނުކެރިއެވެ.

ލައިބާ އަތިރިމަތިންލާފައި ބޮޑުމަގަށް ނުކުތެވެ. މަޑުހިނގުމުގައި ދެފިކުރެއްގައި ހުރެ ގެއާއި ދިމާލަށް ދިޔައީ އަޒުރާގެ ރުޅި މަޑުވެފައިހުއްޓަސް އޭނަ ފެނުމުން އިހުއައިވަރަށްވުރެ އޭގެ ދެގުނަ ރުޅި އަޒުރާ އަންނާނެކަން އެނގިހުރެއެވެ. އެހެންނަމަވެސް ގެއަށް ނުގޮސް ދާނެ އެހެންތަނެއްވެސް ނެތެވެ. އަތިރިމައްޗާ ދިމާ އެއްފަރާތެއްގައި ހުރި ޖޯލިފަތީގައި އޮތް އަންހެން ކުއްޖާ ލައިބާއަށް ފެނުނީ އެހިސާބަށް އެރިތަނާހެންނެވެ. އޭނަ ލައިބާއަށް ވަރަށް ހިނިއައިސްފައި ބަލަން އޮތެވެ.

“ލުބާ….މިތާ ޖޯލީގަ ކީއްކުރަނީ، އަހަރެން ލުބާ ހޯދަން ބޭނުންވެފަ ހުއްޓަ މިދިމާވީ، މިއަދު ދާންވާނީ ލުބާ އުޅޭ ގެއެއް ބުނެފަ، އަހަންނަށް ބޮޑުކަމެއް ދިމާވެގެން ލުބާ ހޯދަން ދެވޭނީވެސް އޭރުންނު، މިހާރު މިޖެހެނީ ލުބާ އަންނަނާނެ އިރަކަށް އިންތިޒާރުކުރަން…..” ލައިބާ އެއްނޭވާއިން އެތަށް އެއްޗެއް ބުނެލިއެވެ.

“އަޒުރާއަށް އެނގުނީދޯ” ލުބާ އޭރުވެސް ޖޯލީގައި އޮތްގޮތަށް އޮވެ ބުނެލިއެވެ. އަދި ނިތުގައި އަތް ބާއްވާލި ގޮތުން ހީވީ އޭނަ ކޮންމެވެސް ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލުނުހެންނެވެ.

“ކިހިނެތް ލުބާއަށް އެނގުނީ އެކަން” ލައިބާ ހައިރާންވިއެވެ.

“އަހަންނަށް އަޒުރާގެ މޫނު ފެނުމުން އެނގިއްޖެޔޭ، ތިނޫނީ އޭނަގެ މޫނުމަތިން އެފަދަ ނުބައި އަސަރެއް ފާޅުވާނެ އެހެންކަމެއް މިދުނިޔެމައްޗަކު ހިޔެއްނުވޭ ފެންނާނެހެނެއް”

“އާން….މާ ބޮޑަށްވެސް އެނގިއްޖެ، އޭނައަށް އެނގިއްޖެ އަހަރެންގެ ބަނޑުގަ ކުއްޖެއް އެބައޮތްކަން، އޭނަ މިކުއްޖާ މަރާލާނެ، ނަދިމާ އަޒުރާ ބުނާ ކޮންމެ ކަމެއްވެސް ކޮއްފާނެ، އެމީހުން އަހަރެންގެ ބަނޑުގަ މިއޮތް ކުއްޖާ ދުނިޔެއަށް އަޔަކަނުދޭނެ، ދެން އަހަރެން ހަދާނީ ކިހިނެތްތައް، އިނގޭތަ، އަހަރެން މިއުޅެނީ މެންދުރުކަން ހާއިރު ގޭން ނުކުތްގޮތަށް، އަޒުރާ ހުރީ ވަރަށް ރުޅިއައިސްފަ، އެހެންވެ އަނިޔާކޮއްފާނެތީ އަވަސް އަވަހަށް އޭނަގެ އަތުގަ ނުޖެހި ބޭރަށް ނުކުތީ…..މިއައީ ތިއޮށްދިމާ އަތިރިމަތީ އިނދެއިނދެފަ….” ލައިބާ ލުބާއަށް ހުރިހާ ވާހަކައެއް އޮޅުންފިލުވާ ދިނެވެ.

“ލައިބާގެ ބަނޑުގައި ތިވާ ކުއްޖާ ސަލާމަތްކޮށް މިދުނިޔެއަށް އުފަންކުރަން ހަމަ ބޭނުންތަ؟ އެކަމަކު ދަރިއެއް ގެންގުޅުމަކީ ވަރަށް ބުރަ މަސްޢޫލިއްޔަތެއް، ލައި ކިހިނެތް ދަރިއެއް ބަލާނީ ތިހާލުގަ، ކާކު ދަރިފުޅަށް އަޅާލާނީ، އެއްޗެހި ހޯދަދޭނީ، އަޒުރާއަށް އެހަރަދު ކުރަން ޖެހިދާނެތީވެސް ލައިގެ ބަނޑުގަ ތިވާ ދަރިފުޅު އުފަންވިޔަކަ ނުދޭނެއެއްނު، ދެން ކީއްވެ ތިކުއްޖާ އުފަން ކުރަން ބޭނުންވަނީ؟ އެއީ ޔަޒާންގެ ލެޔޭ…” ލުބާ ވާހަކަދެއްކީ އެހެންޏާ ވާހަކަދައްކާ ރާގާއި ތަފާތުގޮތަކަށެވެ.

“ލުބާ، ތިހުރިހާ ސުވާލަށް ޖަވާބުދޭކަށް އަހަންނަކަށް ނޭގޭ، ޔަގީނުންވެސް އަހަރެން ދިރިހުރުމަށްލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި އެކުއްޖާވާނެ، އަހަރެންގެ އެކަނިވެރިކަން ފިލާނެ، މިހާރު އަދިއަމުދުން އަހަންނަކަށް ނުކެރޭނެ މިކުއްޖާ މަރާލާކަށް، އެއީ ދިރިދިރި ހުރި ފުރާނައެކޭ، އަހަންނަށް އެކުއްޖާގެ އިޙްސާސް ނުކުރެވޭ ދުވަހެއް މިހާރަކު ނުދޭ، އަބަދުވެސް އަހަރެންގެ އެންމެ ކައިރީގައި އަހަރެންގެ ހުރިހާ ކަމެއްގައި ބައިވެރިވާ ހަމައެކަނި ފަރާތަކީ އެއީ، މިކުއްޖާ އުފަންވެއްޖެނަމަ އަހަންނަށްވެސް ކޮންމެވެސް ގޮތެއް ފެންނާނެ، އެހެންނޫނީ އަހަރެން މީހަކާ އިނީމަ ނިމުނީނު” ލައިބާގެ ހާސްކަން ލުބާގެ ސަބަބުން އިތުރުވެގެންދިޔައެވެ.

“އަހަރެން ލައި ނުރުހޭފަދަ އެއްވެސް ކަމެއްނުކުރަން، އަހަންނަށް ވީވަރަކުން ލައިއަށް އެހީތެރިކަން ފޯރުކޮއްދެން، އަޒުރާ އާއި ޔަޒާންގެ އަނިޔާވެރިކަމުން ލައި ސަލާމަތްކުރަން އަހަރެންވެސް ބޭނުންވޭ، އަހަންނަށް އެނގޭ ލައިއަށް އެހީތެރިކަން ފޯރުކޮއްދެވެނީ އަބަދުވެސް އެކަމެއް ހިނގާފަހުންކަން، އެކަމަކު އަހަރެންވެސް ލައިއަށްޓަކައި ވަރަށް ބޮޑެތި ގުރުބާންތައް ވަމުންދާކަން ލައި ހަނދާންނައްތާ ނުލައްޗޭ، ބަނޑުގައި ތިވާ ކުއްޖާއަކީ ލައިގެ ދަރިއެއްކަމުގައި ގަބޫލުކުރާހާ ވަގުތަކު އަހަރެން ތިދަރިފުޅަށް އަޅާލާނަން، ލައިބޭނުންވަނީ ތިދަރިފުޅު މިދުނިޔެއަށް އުފަންކުރަންކަން އަހަންނަށް މިހާރު ޔަގީންވެއްޖެ، ތިކަންވެސް އިރާދަކުރެއްވިއްޔާ އަހަރެން ކޮއްދޭނަން، ލައި ބިރުނުގަނޭ، އެމީހުން ކޮންމެ ކަމެއްކުރިޔަސް މިފަހަރު ދަރިފުޅު ވައްޓާލާކަށް ނުކެރޭނެ، އަދި އެކުއްޖާ އޮތީ އަހަރެންގެ ބާރުގެ ދަށުގަ، މިފަހަރު އެމީހުންނަށްވުރެ ކުރީގަ އަހަރެން މިއުޅެނީ….ލައި، ހިނގާބަލަ އެއްކަލަ ރީތި މާތަށް ހުންނަތަނަށް، އިރުއޮއްސުނީމަ ގެއަށް ދާނީ، މިހާރު ދާނެކަމެއްނެތް، އެނަދީމާ މިހާރު ގޭގައި އުޅޭނެ” ދުރުން ބަޔަކު އަންނަތަން ފެނުމާއިއެކު ލުބާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލާފައި ކުއްލިއަކަށް ދާން އުޅުނެވެ.

ލައިބާ ދެކޮޅު ހެދުމެއްނެތި ލުބާ އާއިއެކު ދިއުމަށް ހިނގައިގަތެވެ. ޖޯލިފަތީގެ ބިއްދޮށުން ގަސްތަކުގެތެރެއަށް ލުބާގެ އަތުގައި ހިފައިގެން ލައިބާ ދިޔައިރު އޭނަގެ ހިތުގައި އެއްވެސް ބިރުވެރިކަމެއްނުވެއެވެ. ވަށައިގެންވެރިވަމުންދިޔަ ހަމަހިމޭންކަމާއި ފެންނަމުންދިޔަ ބޮޑެތި ގަސްތަކުގެ ތެރެއިން ލުބާ އާއި ލައިބާ ވާހަކަދައްކާ އަޑުނޫނީ ނީވެއެވެ. ދޭތެރެއަކުން ކާޅެއް ނޫނީ ކޮވެއްޔެއް ގޮވާލާއަޑާއިއެކު ލައިބާ އެދިމާލަށް ބަލާލާނެއެވެ. ބޯގަސްތަކުގެ ތެރެއަށް ވަދެވުމާއިއެކު ލުބާ އަނެއްކާވެސް ކުރިންދައްކަމުންދިޔަ ވާހަކައާއި ގުޅުވާ ވާހަކަދައްކަން ފެށިއެވެ. ކުއްޖަކު ދުނިޔެއަށް އުފަންކުރެވޭނީ ވަރަށް ހިތްވަރު ހުރެގެން ކަމުގައި ލުބާ ކިޔާދެމުންދިޔައެވެ. އެވަގުތަކީ ދުވަހަކުވެސް ލައިބާ ކެތްތެރި ނުވާ ދަރަޖައަކަށް ކެތްތެރިވާންވާނެ ވަގުތެއްކަމުގައި ލުބާ ބުނަމުންދިޔައެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެންނަމުންދިޔައެވެ. މައްޗަށް ހެދިފައިވާ ބޮޑު އަހިވަށްގަހެއްގެ ބުޑުގައި ލުބާ ލައިބާ އިށީނުމަށް އެހީތެރިވެދިނެވެ. އޭނަ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރުވެސް ލައިބާގެ އަތުން ދޫކޮއްނުލައެވެ.

“ލުބާ ހާސްނުވެބަލަ، ތިގޮތަށް އަހަންނަށް އެހީވާން ހުރެއްޖެނަމަ އަހަރެންގެ ހިތްތަވަރު ހުންނަކަން ލުބާއަށް ދައްކާލާނަން” ލައިބާ ލުބާގެ އަތްތިލާގައި ހިފާ ބާރުކޮއްލަމުންބުނެލިއެވެ.

“ލައިއަށް ކަމެއްވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ” ލުބާ އެއްއަތުން ލައިބާގެ ބޮލުގަ އާއި ކޯތާފަތުގައި ފިރުމާލިއެވެ.

“އޭ، މިކަމާހެދި އަދި އެއްކަމެއްގެ މަތިން ހަނދާންނެތިފައޭ މިހިރީ” ލައިބާ ހިނިތުންވެލަމުން އެދެމެދަށްވެރިވެފައިވާ ހާސްކަން ފިލުވާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ ލުބާއަށް އަތިރިމަތިން ދިމާވި ކާކުކަން ނޭގޭ ޒުވާނާގެ ވާހަކަ ކިޔާދިނެވެ. ލުބާ ހިނިއައިސްފައި އެވާހަކަތައް އަޑުއަހަންއިނީ ވަރަށް ގަޔާވެލައިގެންނެވެ. ލައިބާގެ ވާހަކަ ހުރިގޮތުން އޭނަ އަދިވެސް އެޒުވާނާ އާއި ބައްދަލުވާން އެދޭކަން އެނގުނެވެ.

އިރުއޮއްސި ކަޅު އަނދިރިކަން ދުނިޔެމައްޗަށް ވެރިވެފައިވެއެވެ. ހަނދުގެ ބުރުފުރިހަމަވެފައި ބޮޑުކަމަށްދެއްކިއަސް ހަނދުގެ ރީތި ނަލަ ރިހިހަނދުވަރުގެ އައްޔެއްނެތެވެ. އޭގެބަދަލުގައި ހަނދުދައްކަނީ މަޑު އޮރެންޖުކުލައެއްގައެވެ. ލައިބާ ލުބާ އާއިއެކު މަޑުމަޑުން ފާރުކައިރިން ހިނގަމުންގޮސް ގެއަށްވަނެވެ. ދޮރުމަތީ ހުރެ ލުބާއަށް ބަލާލީ އެންމެ ފަހުފަހަރަށް ބަލާލާފަދަ ގޮތަކަށެވެ. ލުބާ ބަނބުކެޔޮ ގަސްދޮށުގައި އަނދިރީގައި މަޑުކޮއްލައިގެން ހުއްޓެވެ.

“ކޮންތާކަށް ގޮއްސަތިޔައީ، އަޒުރާ ހީވަނީ މުޅިގޭތެރޭގަ ހުޅުޖަހާފާނެހެން، އަހަރެން އެހީމެއްނު ކަލޭ ބަނޑުބޮޑުވީހޭ…..މޮޅުތަކެއް ވާނެކަމައްތަ އޭރު ނުބުނެ ހުރީ، ބަލަ އެއީ އަހަރެން ގަސްދުގަ ކުރިކަމެކޭ، ކަލެއަށް މީހަކާ އިނދެވުނައެއް ނުދޭނަން މަށަށްވެގެން، އިނަސް އެގެއަށްވެސް ދާނަން، ކަލެއަށް ޖެހޭނީ އަހަރެން ދިޔައީމަ އަހަރެންގެ ބޭނުންތައް ފުއްދަދޭން، އަޒުރާ މިވަގުތު ގޭގަ ނެތްކަން އެއީ ކަލޭގެ ނަސީބު، އެހެންނޫނީ އަނެއްކާވެސް މަށަށްކަންނޭގެ ޖެހޭނީ ކަލޭމެން ދެމީހުން ދުރުކުރަން، އާ އެހެންޏާ ކަލޭ މަރާލައިފިއްޔާ އަހަންނަށް މިހެނެއް ނޫޅެވޭނެވިއްޔަ، އެއަޒުރާ އާއިއެއްކޮށް އަހަރެން އުޅެނީ އޭނަ ރުއްސަންވެގެން، އެކަމަކު ކަލެއާއިއެއްކޮށް އަހަރެން އުޅެނީ، އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި….ހެ ހެ ހެ….އަނެއްކާވެސް ރޯން ތައްޔާރުވެގެން ހުރޭ” ބޮޑުއަށިމަތީ އޮތް ޔަޒާންއަށް ލައިބާ ފެނުމާއިއެކު އެއްކޮށް އެކިއެއްޗެހި ކިޔަންފެށިއެވެ. އަދި ދުރުގައި ނުވެސް ހުރެވުނެވެ. ލައިބާގެ ގާތަށް އައިސް އޭނަގެ ގަޔަށް އަތްފޯރުކޮށް ހަދަމުންދިޔައެވެ.

“ކިހާ ދެރަކަމެއް، މިހުރިހާ ކަމަކީވެސް ކަލޭގެ ކަންތައް، ހަނދާންކޮއްބަލަ، އަހަރުމެން ކުޑައިރު ކިހާ ލޯބިން އުޅުނީ، އަހަރެންގެ ދޮންބެއޭ ތީ، ކީއްވެތަ ތިހެން ތިއުޅެނީ، އަދިވެސް ރަނގަޅަށް އުޅެވިދާނެއޭ، ތިއުޅެވެނީ ގޯސްކޮށްކަން އެނގޭއިރު ކީއްވެތަ ރަނގަޅުވާން ހިތަށް ނާރަނީ، އަހަރެންގެ ކުށަކީ ކޮބާ، އަހަރެންގެ މުޅިދިރުއުޅުން ތިހަލާކުކޮއްލީ، އަހަރެން އަޒުރާ ކަހަލަ އަންހެނަކަށްވީމަތަ؟ އޭނަ ކުރާކަމެއް ކުރަން ބެހެއްޓިނަމަ، ތިކަމުގެ ސަބަބުން އޭނަ އަހަރެން ދެކެ އެހާ ފޫހިވެގެންވެސް އެއުޅެނީ، ޔަޒާން އާއި ހެދި އޭނަ އަހަންނަށް އެވަރަށް އަނިޔާކުރަނީ، ޔަޒާން އަހަންނާ ނުބެހި އަޒުރާ އާއިއެކު އުޅޭނެ ގޮތަކަށް އުޅުނަސް އަހަރެން އެއްވެސް ކަމަކާ ނުބެހި ހުރެދާނަމޭ…” ލައިބާގެ ވާހަކަތައް މެދުކަނޑާލީ ޔަޒާންއެވެ.

“މާރަނގަޅުވާން އަމިއްލައަށް އުޅޭނެ ކަމެއްނެތް، އަހަރެން މިބުނީނު އަހަރެން ހިތްހަމަޖެހޭތިއޭ ކަލެއާއި ކައިރިވަނީ، އަދި އަމުދުން ދުވަހަކުވެސް ދުރަކަށް ނުދާނަން، ބަނޑުގަ ތިއޮށް ކުއްޖާ އަޒުރާ ވައްޓާލާނެއެއްނު، ހަމަ ވައްޓާލީ އަނެއްކާ އަނެއްކުއްޖާ ދޭނަން….” ޔަޒާން ގަދަކަމުން ލައިބާގެ ގައިގާ ހިފަހައްޓައިގަތެވެ.

“އޭ….”އަޒުރާގެ ބާރު ހަޅޭކުގެ އަޑުއިވުނެވެ. ދުވަހަކުވެސް އެހާބާރަށް އަޒުރާ ހަޅޭލަވައިގަތް އަޑެއް ޔަޒާންވެސް ލައިބާވެސް ނާހައެވެ. ދެމީހުންގެ މޭގަނޑު ފިނިވިއެވެ. ސިހިގެންދިޔައީ ލައިބާ އެކަންޏެއްނޫނެވެ. ޔަޒާންވެސް ކުއްލިއަކަށް ލައިބާ އާއި ދުރަށް ޖެހެމުން އަޑުއައި ދިމާލަށް ބަލާލިއެވެ. އަޑުއައި ގޭދޮރުމަތިންނެވެ.

ޔަޒާން އާއި ލައިބާ ދޮރުމައްޗަށް އިރުކޮޅަކު ބަލަހައްޓައިގެން ތިއްބެވެ. އެކަމަކު އަޒުރާއެއް ނުވަނެވެ. ލައިބާ އަށްވެސް ޔަޒާންއަށްވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނެވެ. ދެމީހުންނަށްވެސް އިވުނީ އަޒުރާގެ އަޑުކަމާއި އަޑުއައީ ދޮރުމަތިންކަން ޔަގީންވެއެވެ. ޔަޒާން ޓީވީގެ ރިމޯޓު ހިފައިގެން އަނެއްކާވެސް އެރީ ބޮޑުއަށިމައްޗަށެވެ. ލައިބާވެސް މަޑުމަޑުންގޮސް ބޮޑުއަށީގެ އެއްފަރާތުގައި އަރާ އިށީނެވެ.

ހަމަހިމޭންކަން ވެރިވެފައި އޮންނަތާ ގަޑިއެއްހާއިރުފަހުން އަޒުރާ އައިސް ގެއަށްވަނެވެ. އަޒުރާ ފެނިފައި ލައިބާގެ ހަތަރެސްފައި ގަނޑުވިއެވެ. އޭނަގެ ފަހަތުން ނަދީމާވަތްކަމީ ހަމަ ނަސީބޭ ލައިބާގެ ހިތަށް އެރިއެވެ.

“ކަލޭ އާދެބަލަ، މިހެން ބުނީމަ އަނެއްފަހަރު ދުވެ ފިލާނީކީ ނޫން” އަޒުރާ ރުންކުރުގޮތަކަށް ލައިބާއަށް ގޮވާލަމުން ލައިބާގެ ކޮޓަރިއަށްވަނެވެ. ނަދީމާވެސް އަޒުރާގެ ފަހަތުން ވަނެވެ. ލައިބާއަށް އިންތަނުން ގުޑިލެވުނީ ދެތިންމިނެޓު ފަހުންނެވެ. އޭނަވެސް ކުދިފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރިއަށްވަނެވެ. އޭނަގެ ފަހަތުން އަވަސް އަވަހަށް ޔަޒާން އެކޮޓަރިއަށްވަނެވެ.

“ކަލޭ އަދި މިތަނަށް ވަންނާކަށް ނުބުނަމެއްނު، ދޭ ދޭ، މިތަނުން ނުކުމެ ބޭރުގަ އެހަށް މަޑުކުރޭ” އަޒުރާ ލައިބާގެ ފަހަތުން ވަތް ޔަޒާންއަށް ބުނެލިއެވެ.

“ނުބުންޏަސް އަހަރެން ނިދާތަނަށް އަހަންނަށް ވަދެވިދާނެއެއްނު” ޔަޒާން އަޒުރާއަށް ދޫނުކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.

“މައްސަލައެއްނެތޭ، އަހަރެން ބުނަންދެން މިކޮޓަރިން ބޭރުގަ މަޑުކުރޭ” އަޒުރާ އައިސް ޔަޒާންގެ ކޮނޑުގައި އަތްއަޅާ މަޑުމަޑުން ކޮއްޕާލަމުން ބުނެލިއެވެ.

“ލައިބާއަކީ މިހާރު ކުޑަކުއްޖެއްނޫން، އެހެންވީމަ މިހާރު އެނގޭނެ ކަންނޭގެ މިއުޅެނީ ކީއްކުރަންކަންވެސް” ނަދީމާ ލައިބާގެ އެނދުގެ އެއްފަރާތުގައި އިށީނދެއިނދެ އޭނަގެ ދަބަސް ހުޅުވާލަމުން ބުނެލިއެވެ.

“ނަދީ، އޭނައަށް ކޮންމެހެން ކިޔާދިނުން މުހިއްމެއްނޫން، ހުރިހާ ކަމެއް އެނގިހުރެގެން މިހިސާބަށް އޭނަ އެއައީ، އަހަންނަށް އޭނަގެ ބަނޑުވަނީ ފެނިފަ، ނަދީވެސް އޭނަގެ ބަނޑު ބަލާލަބަލަ، އޭރުން އެނގޭނެ، ދެމަސް ތިންމަހުގެ ބަނޑެއްނޫން އެއީ، އެކަމަކު މިފަހަރު އަހަރެން ބޭނުމެއްނޫން އޭނަ ކައިރީ އެއްވެސް ސުވާލެއް ކުރާކަށް، ބުނަން ނަދީ، އަހަރެން ބޭނުންވާގޮތަށް މިފަހަރު ކަންތައްކޮއްދޭން ޖެހޭނީ، މިބުނީ ގެނައި އިންޖެކްޝަން ޖަހާށޭ މިހާރު، އެހެންނޫނީ އެނބަޑެއް ނުހިދޭނެ” އަޒުރާ ރުޅިއައިސް ރަތްވެފައި ހުރެ ބުނަމުންދިޔައެވެ. ބައެއްފަހަރު އޭނަ ގާތަށް އައިސްފައި ހުރި ރުޅިގަނޑު ކޮންޓްރޯލް ކުރާހެންވެސް ހީވެއެވެ. ލައިބާގެ ގަޔަށް އަތްއިސް ކުރެވިދާނެތީއެވެ. އަޒުރާއަށް ހަމައަށް ދެބަސް ބުނެވޭއިރަށް ރުޅިއާއިގެން ދަތްކުނޑިވިކާލެވެއެވެ.

“މިވަރުވާއިރު ކިތަށްމަސްކަން މިހާރު ލައިބާއަށްވެސް އެނގޭނެ، އަޅެ ބުނެބަލަ، މިހާރު ކިތަށްމަސްވެއްޖެ؟” ނަދީމާ އޭނަ ހިފައިގެން އައި ސާމާނުތައް ތައްޔާރުކުރަމުން އަހާލިއެވެ.

“މީ އަހަރެން ބޭނުންވެގެން ވާކަމެއްނޫނޭ، އަޒުރާއަށް ހަމަރަގަނޅަށް އެނގޭނެ އެކަން، ދެން މިހާރު އަހަރެން ބަނޑުބޮޑުވީމަ ކީއްކުރަން އަހަރެންގެ ބަނޑުގަ އޮތް ކުއްޖާ މަރާލަންވީ، އަހަރެންގެ ދަރިފުޅަކަށް މިކުއްޖާވާނީ، އޭނަ މަރާލާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން ބޭނުންވަނީ މިކުއްޖާ ދުނިޔަށް އުފަންކުރަން….މިކުއްޖާ މަރާލިޔަސް އަހަރެން އަނެއްކާވެސް ބަނޑުބޮޑުވާނެ، ދެންވެސް އަހަރެންގެ ބަނޑުގަ އޮންނަ ކުއްޖާ މަރާލާނީތަ، އާނ….ޔަގީން މަރާލާނެކަން، މިހިރަ އަޒުރާގެ ލަގޮނޑިއަށް ކެތްވެސް ނުވާނެ އަހަރެންގެ ބަނޑުގައި އޮންނަ ފުރާނަ ނުގެންގޮސް، ނަދީމާ ހުރޭ އޭނަ ބުނިހާކަމެއް ކުރަން، މީ އޭނަ އާއި ހެދިވާގޮތެއް…..ކަލެއާއި ހެދި އަހަރެން ބަނޑުބޮޑުވީ” ލައިބާއަށް ރޮވުނުއިރު އަޒުރާދެކެ ރުޅިވެސް އާދެވިއްޖެއެވެ. އަޒުރާ އާއި ދިމާލަށް ބުނެލިބަހުގެ ޖަވާބު ހޫނުކަމާއިއެކު އައިސް އެރީ ލައިބާގެ ކޯތާފަތްމައްޗަށެވެ.

“އަޒޫ، އަހަރެން ބުނަމެއްނު އަނިޔާ ނުކުރާށޭ” އަޒުރާ ކުއްލިއަކަށް ލައިބާގެ މޫނުގައި ޖެހުމުން ނަދީމާއަށް ބުނެލެވުނެވެ.

“އަހަރެން މިހިރަގެން ފަޅައިގެންދަނީ، ނަދީ އަވަސްކުރޭ، އަވަހަށް ތިއެއްޗެއް އޭނަގެ ގަޔަށް ޖަހަންއުޅޭ، މިކަންތައް ނިންމާލަން އުޅޭ، އެހެންނޫނީ އަހަރެން އަމިއްލައަށް އޭނަގެ ގަޔަށް ތިއިންޖެކްޝަން ޖަހާލެވިދާނެ، އަހަރެން އެހާވެސް ރުޅިގަދަވެދަ މިހިރީ، އަމިއްލައަށް ގޮތްގޮތަށް އުޅެއުޅެފަ އެހެންމީހުންގެ ބޮލުގައި އެބަދުނާމު އަޅުވަން، ކިހާރީތި، މިއަދު މެންދުރުން ފެށިގެން އިރުއޮއްސެންދެންވެސް އުޅުނީ ކޮންތާކުކަމެއްވެސް މީހަކަށް އެނގެނީކީ ނޫން” އަޒުރާ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

ގިނައިރުތަކެއްނުވެ ނަދީމާ ލައިބާ އެނދުގައި ބާއްވަން އުޅުނެވެ. އެކަމަކު ލައިބާ އޮށޯންނާކަށް ބޭނުމެއްނުވިއެވެ. އޭނަ އޭރުވެސް ބުނަމުންދިޔައީ ބަނޑުގައިވާ ދަރިފުޅު ބޭނުންކަމުގައެވެ. ނަދިމާގެ ނަމުން ގޮވާ އާދޭސްކުރަމުންދިޔައެވެ. ދަރިފުޅު މަރާނުލާށޭ ކިޔަމުންނެވެ. ނަދީމާ އަޒުރާއަށް ބަލާލިއެވެ. އަޒުރާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލާފައި ޔަޒާންއަށް ގޮވިއެވެ. އަޒުރާ ޔަޒާންއަށް އެންގީ ލައިބާ އެއްއަރިއަށް ވާގޮތަށް ބޭވުމަށްފަހު އޭނަގެ ދެފައިގައި ހިފެހެއްޓުމަށެވެ. އަދި ލައިބާގެ ދެއަތުގައި އޭނަ ހިފަހައްޓާނޭކަމުގައެވެ. ޔަޒާންއަށް ލައިބާ އެނދުމައްޗަށް ވައްޓާލުން އުނދަގޫކަމަކަށް ނުވިއެވެ. އަޒުރާ ބޭނުންވާގޮތަށް އޭނަ ލައިބާ ހިފަހައްޓާލިއެވެ. ގޭތެރޭގައި ލައިބާގެ ރުއިމުގެ އަޑުގަދަވެގެންދިޔައެވެ. ހަމައެވަގުތު ގޭތެރެއިން ފިރިހެނެއްގެ ބާރު ހަޅޭކުގެ އަޑެއް ގުގުމައިގެން ދިޔައެވެ. ކޮންމެ މީހެއްގެ ބިރޭކިޔާ ހިއްސުހޭލައްވާލާފަދަ ވަރުގަދަ ބާރުއަޑެކެވެ. ޔަޒާން އާއި ނަދީމާ އާއި އަޒުރާއަށް އެއްފަހަރާ ވަށައިގެން ހޯދާލެވުނެވެ. އެހެނީ އެއަޑު އައި ކޮންދިމާލަކުންކަން ޔަގީން ކުރާކަށް އެކަކަށްވެސް ނޭގުނުކަމެވެ. އެއަޑުއިވުނެއްކަމަކު ލައިބާގެ ރުއިމެއްނުހުއްޓުނެވެ. އޭނައަށް އެއަޑު ނީވޭފަދައެވެ. އަޒުރާ ނަދީމާއަށް ގޮވާލަމުން އަވަސް ކުރާށޭ ބުނެލިއެވެ. އެހެންނަމަވެސް ނަދީމާގެ ހިޔާލު ބަދަލުވާން އުޅުނުހެން ހީވުމުން އަޒުރާ އޭނަގެ އަތުން އިންޖެކްޝަން އަތުލާފައި އޭނަ އަމިއްލައަށް ޖަހަންއުޅުނެވެ. އަޒުރާއަށް ޖަހަން ނޭގޭނެތީއާއިއެކު ނަދީމާ އަލުން އިންޖެކްޝަން އަތުލުމަށްފަހު ލައިބާގެ ގަޔަށް ޖެހިއެވެ. ލައިބާގެ ރުއިމުގެ އަޑު އަދިވަކިން ގަދަވިއެވެ. އަދި އެވަގުތު ތެޅިގަންނަން މަސައްކަތްކުރަމުން ދިޔައެވެ.

“މަންމާ….” ލައިބާއަށް ގޮވާލެވުނެވެ. ކީއްވެކަމެއްނޭގެއެވެ. މައިވަންތަކަމުގެ ހިތެއްވާނަމަ އެހިތަށް އަސަރުކުރާނެއޭ ހީކުރެވުނީކަންނޭގެއެވެ. އެއަތުން އޯގާތެރިކަމުންފުރިގެންވި ހިމާޔަތްތެރިކަން ލިބިދާނެއޭ ހީކުރެވުނީކަންނޭގެއެވެ. އެކަމަކު އެއަޑު އިވޭހިސާބުގައި މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި ހިތެއްލިބިފައިވާ ފަރާތެއް ނެތެވެ.

ކުއްލިއަކަށް ހީވީ ބޮޑުތިކީގެ ވާރޭ ފުރާޅުމައްޗަށް އޮއްސާލިހެނެވެ. އެކަމަކު ވާރޭގެ ތިއްކަކަށްވުރެ ފުރާޅުގައި ޖެހޭއިރު ކިޔާ އަޑުގަދައެވެ. ޓިނު ފުރާޅުވެސް ދޭތެރެއަކުން ހެލިލާހެން ހީވެއެވެ. އެރޭ އެގެއަށް ނަދީމާ ނޫން އެކަކަށްވެސް އާދެވޭގޮތެއް ދިމައެއްނުވިއެވެ. ނަދީމާވެސް ކުރިން އެގެއަށް އައިސް އިނީތީ އިނދެވުނީއެވެ.  އަޒުރާ ޔަޒާން ފޮނުވީ ވާރޭވެހޭތީ އެތެރެގޭ ދޮރުލެއްޕުމަށެވެ. އޭނަ ބޭރަށްނުކުމެވެން އިންދޮރާދިމާލަށް ދިޔައިރު ވާރޭ ވެހޭހެނެއްހިޔެއްނުވެއެވެ. ޔަގީންކޮއްލުމަށް ދޮރުކަނީގައި ހިފާ ބޭރަށް ބޯދިއްކޮއްލަން އުޅުނުވަގުތު ގޯތިތެރޭގެ ހުސްތަނުގައި ސީދާ މެދަށްވާގޮތައް މީހަކު ހުރިހެން ޔަޒާންއަށް ހީވިއެވެ. އޭނަ ސިހުނީ އެމީހާއެއްކޮށް ކަޅުއަނދިރިގަނޑެއްފަދައިން ހުރުމުންނެވެ. އަވަސް އަވަހަށް ދޮރުލައްޕާފައި ބަދިގެ ފަރާތުދޮރު ލައްޕަން ދިޔައެވެ. ދޮރުލައްޕަ ލައްޕާ ހުއްޓަ ބޮޑުކަޅު ހިޔަންޏެއް ބަދިގެފަރާތުން ހުރަސްކަނޑާލިހެން ހީވިއެވެ. އަދި ހަމައެއާއިއެކު ކުންނާރުގަހާ ދިމާލުން ބޮޑުއަލިގުޅައެއް ފެނުނެވެ. އޭތި އިނީ ބިމުގަނުޖެހި ގަހުން މައްޗަށްވެސް ނާރައެވެ. ކުއްލިއަކަށް ހީވީ ޔަޒާންގެ ކައިރީގައި ހުރެފައި މީހަކު ބާރު އަޑަކުން ހަޅޭލަވައިގަތް ހެންނެވެ. ޔަޒާންއަށްވެސް ބިރުންގޮސް ހަޅޭލަވައިގަނެވުނެވެ. އެއަޑަށް އަޒުރާ ނުކުތްއިރު ދޮރުލައްޕަން ދޮރުގައި ހިފާލި ޔަޒާން ގަނޑުފައިހުރިގޮތަށް ހުރެ ހަޅޭލަވަނީއެވެ. އަޒުރާ އައިސް ޔަޒާންގެ ގައިގާ އަތްލުމާއިއެކު ވަކިން ބާރަށް ހަޅޭލަވައިގަތީ ސިހުނުވަރުންނެވެ. ޔަޒާން އަޒުރާގެ އަތް ދުރަށްކޮއްޕާލިފަހުން ހަމަހޭވެރިކަންވެގެން ހަޅޭލެވުންހުއްޓާލިއެވެ. އަޒުރާ ކަންވީގޮތެއް އޮޅުންފިލުވަން އުޅުނެވެ. އޭނަ ދޮރުތައްލެއްޕުމަށްފަހު ޔަޒާން ގޮވައިގެން ލައިބާއޮތް ކޮޓަރިއަށްވަނެވެ.

“އެހެންވެއޭ އަހަރެން ބުނަނީ މީ ބޮޑު ސުންޕާއެކޭ، އަހަރުމެންނަށް މިއިވޭ ބިރުވެރި އަޑުތަކަކީ މިސުންޕާ އާއި ގުޅިފަހުރި ކަންތައްތައްކަން ޔަގީން، ހިތަށް އަރާ އަމިއްލައަށް ދަންޖެހިގެންވިޔަސް، ނޫނީ ޒަހަރެއް ބޮއެގެންވިޔަސް މީތި މަރުވާނެނަމައޭ، އޭރުން އަހަރުމެންގެ ބޮލުގަ އެއްވެސް ކަމެއް ނޭޅޭނެއެއްނު” އަޒުރާ ޔަޒާން ގޮވައިގެން އޭނަގެ އެނދުގައި އިށިންނަމުން ބުނެލިއެވެ.

“ހަމަ ހުވާ ވާރޭ ނުވެހޭކަން، ބޭރުގަ ހުރި ކޮންމެވެސް މީހަކު ކުރާކަމަކުން މިކަންތައްތައް މިވަނީ، އެކަމަކު މިތަވީދު އޮތިއްޔާ ކައިރިއެއް ނުވެވޭނެއޭ ބުނި” ޔަޒާން ކަރުގައި އޮތް ތަވީދުގައި އަތްޖައްސާލަމުން ބުނެލިއެވެ.

“މީ ކޮންކަންތައްގަނޑެއްތަ، އަދިވެސް ކުރިން ދިމާވިކަންތައްތައް ރަނގަޅުނުވަނީތަ” ނަދީމާ ވާނުވާނޭގިފައި އިންގޮތަކަށް އަޒުރާ އާއި ސުވާލުކުރިއެވެ.

“އަލިފުތާބެ ބުނި ގަޔަކު އަތެއް ނުލެވޭނެއޭ، އަދި އެބަސް ދޮގުކުރެވޭކަށްވެސް ނެތްތާ، ހަމަގައިމުވެސް ގަޔަކުއަތެއްނުލައެއްނު، ކާފަގެވެސް ކަންތަކޭމީ، ފާޑުފާޑުގެ ފޮތްބޮނޑިތަކުން ކިޔެވެލި ދަސްކޮއްގެން ވޭވިއްޔަ ކަންތައްތައް ކުރަން، ފަހުންވެސް މިގޭގަ މީހުން އުޅޭނެކަމަކަށް ނުވިސްނާވިއްޔަ، މިހާރު އަހަރުމެންނަށް ހުރިހާ ކަމެއް، ދެން އަލިފުތާބެ ބުނާނެ އަހަރެން ކާންބޯން ކުރާ މަސައްކަތް ހުއްޓާލާށޭ، ބަލަ އެކިމީހުން ކުރާނީ އެކި ކަހަލަ މަސައްކަތެއްނު، މީ އަހަރެންނަށް އެންމެ ފަސޭހައިން ދަސްވި މަސައްކަތްވީމާ އަހަރެން ކުރަނީ، އަނެއްކާ ރަނގަޅު އާމްދަނީއެއް އެބަލިބޭ، ދެން ހަމަ މީހަކު ކަމެއްކުރިއެކޭ ކިޔާފަ ވޭތަ މިހުރިހާ ކަމެއްވާން، އެހެންނޫނަސް މިއޮށް ސުންޕާއަކީ ރާއްޖެކަމެއްވެސް ނޫންވިއްޔަ” އަޒުރާ އިނދެގެން އެކިއެކި ކޫސަނި ވާހަކަތައް ދައްކަމުންދިޔައެވެ. ލައިބާގެ ގަޔަށް އިންޖެކްޝަން ޖެހިތާ ފަސްވަރަކަށްމިނެޓު ތެޅިތެޅިފަ އޭނަގެ ހަބަރުހުސްވިއެވެ. އޭގެ ފަހުން އެއޮތްގޮތަށް އޭނަ އޮތީއެވެ. ނަދީމާ ގަޑިބަލަމުން ދިޔައެވެ. އޭނައަށް އަންނަންޖެހޭ އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. އެކަމަކު ލައިބާގެ ބަނޑުބަލާލިއިރު ދަރިފުޅުގެ ފައިތިލައިގެ ނިޝާން ނޫފައިގަންފައި ހުރިގޮތަށް ބަނޑުގެ އެތަންމިތަނުގައި ހުއްޓެވެ. ނަދީމާ ލައިބާގެ ވިންދާ ނޭވާ ޗެކުކުރެއެވެ.

“މަށަށް ފެންނަނީ އަލުން ޖަހަން، އޭނައެކޭ ނިދާފައޮތް މީހެކޭ ތަފާތެއް ނެތެއްނު” އަޒުރާ ނަދީމާ އާއި ކައިރިވެލައިފައި ލައިބާއަށް ބަލާލަމުން ބުނެލިއެވެ.

ނަދީމާއަށް ސަމާލުވެވުނީ އެނދުގައި ގުޑިވެސްނުލާ އޮތް ލައިބާއަށެވެ. އޭނަ ލައިބާގެ އަތުގެ ކުޑަހުޅާ ދިމާލުން ވިންދުބަލާލިއެވެ. އަދި ނޭފަތްކައިރިއަށް އަތްގާތްކޮއްލަމުން ލައިބާ ނޭވާލާތޯވެސް ޗެކު ކުރިއެވެ. ނަދީމާގެ މޫނު މައްޗަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ.

“ކިހިނެތްވީ؟ އޭނަ ހޭނެތުނީތަ؟” އަޒުރާ ނަދީމާއަށް ވީގޮތް ފެނި އަހާލިއެވެ.

“އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުދެކެން މިކަހަލަ ކަމެއް، އެދެއިންޖެކްޝަން ޖަހާލީމަ އެނގުންވާކަށް މާގިނައިރެއް ނުނަގާނެ، އެކަމަކު ލައިބާ އެއޮތީ ހަބަރު ހުސްވެފަ އޮތްހެން، އޭނައަކަށް އެއިންޖެކްޝަނުން ކުރަންވީ އެއްވެސް އަސަރެއް ނުކުރޭ، އަޖައިބެއް ކަހަލަގެ ކަމެއް، އަޒޫ…” ނަދީމާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނީއެވެ.

“އޭނަ މަރެއްނުވެއެއްނު، މަބުނާ ގޮތް ހަދާބަލަ ދެންވެސް، ބާކީ ތިއޮށް ދޭތިވެސް ޖަހާބަލަ” އަޒުރާ އެދުމަތީއޮތް އިތުރު ދެއިންޖެކްޝަނަށް އިޝާރާތްކުރަމުން ބުނެލިއެވެ.

ހެނދުނު އިރުއަރަންދެންވެސް ގޭގެ ބޭރުން އެކިއެކި ތަފާތު އަޑުތައް އިވެމުންދިޔައެވެ. ނަދީމާވެސް އެކަމާ ސުވާލު އުފެދި ކަންބޮޑުވެފައިވާކަން އަޒުރާއަށްވެސް އެނގުނެވެ. ޔަޒާން އިނީ ބިރުން ނިދަންވެސް ނުކެރިފައެވެ. އެނދުމަތީ ފައިކުރުކޮއްލައިގެން ފާރުގައި ބުރަކަށި ޖައްސާލައިގެން އިންއިރު އަދިވެސް އޭނަގެ ކަންފަތުގައި އޭރު އިވުނު ހަޅޭކުގެ އަޑު ހަރުލާފައިވާ ކަހަލައެވެ. އެއީ ކޮންފަދަ ބިރުވެރި އަޑެއް ހެއްޔެވެ. މުޅި ހަށިގަނޑުގައި ރޫރޫ ނާޅާ އެއްވެސް ތަނެއްނެތެވެ. އަޒުރާ އާއި ނަދީމާ ކަންބޮޑުވެފައިވަނީ ލައިބާ އާއިމެދުއެވެ. އޭނަގެ ހާލާ މެދުއެއްނޫނެވެ. އެހެންނަމަވެސް އެމީހުން ބޭނުންވި ކަންތައްތައް ހީކުރިގޮތަށް ނުވުމުން އެކަމާއިއެވެ. ނަދީމާއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. އޭނަ އަޒުރާ ކައިރީ ދެން ހަދާނެ ގޮތަކާއިމެދު މަޝްވަރާކުރިއެވެ.

ފަތިސްވަގުތެވެ. އިވެމުންދިޔަ އަޑުފަށްގަނޑު މަޑުވެ އެއްކޮށް އަޑުކެނޑިފައިވެއެވެ. ނަދީމާއަށް ލައިބާގެ އެނދުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. އަޒުރާވެސް ތާއްޔާޖެހެމުންގޮސް މެޔާކައިރިކޮއްލާފައިވާ ދެކަކޫމަތީ ބާއްވާލާފައިއޮތް ދެއަތުގައި ބޯޖަހާލެވުނެވެ. ޔަޒާންވެސް އަރިއަކަށް ފައިކުރުކޮއްލައިގެން ނިދިފައި އޮތެވެ. ހޭވެރިކަމެއްނެތް ލައިބާއަށް ކުއްލިއަކަށް ހީވީ މީހަކު ގޮވާލިހެނެވެ. އޭނަ ސިހިފައި ފުއްމައިގެން ތެދުވެ އެނދުގައި އިށީނެވެ. ލައިބާގެ އެހަރަކާތުން އެނދުގެ ކޮޅުގައި ނިދިފައި އިން ނަދީމާ ދިޔައީ ސިއްސައިގެންނެވެ.

“އަޒޫ….” ނަދިމާ އަވަސް އަވަހަށް އަޒުރާއަށް ގޮވާލިއެވެ.

ލައިބާ ވަށައިގެން ހޯދާލުމަށްފަހު އޭނަގެ ބުޑުމަސްގަނޑުގައި އަތްޖައްސާލެވުނެވެ. އޭނައަށް އެމީހުންކުރި އެއްވެސްކަމެއްގެ އިޙްސާސްއެއް ނުވިއެވެ. ނަދީމާ ފުރަތަމަ އިންޖެކްޝަން ކޮއްޕާލިކަން ނޫން އެހެން އިޙްސާސްއެއް ލައިބާއަކަށް ނުވެއެވެ. އޭނަގެ ބަނޑުގައެއް ނުރިއްސައެވެ. އެއްވެސް ކަހަލަ އުނދަގުލެއް ނުވެއެވެ. އެހެންނަމަވެސް ލައިބާއަށް އޭނަގެ ބަނޑުގައި އަތްޖައްސާލެވުނެވެ. އަދިވެސް ކަންބޮޑުވެފައިވެއެވެ. މިވަރުން އަދި އަޒުރާ ހުއްޓާނުލާނެކަން އެނގޭތީއެވެ.

ލައިބާގެ ހެނދުނުގެ ސައިވެސް އެތެރެހައްޓަށް ދިޔައީ އެތަށް ބައިވަރު ވައްތަރެއްގެ ބޭސްގުޅަ ތަކަކާއިއެކުއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އެތެރެހަށީގައި ހަރުލާގޮތެއް ނުވެއެވެ. ކޮންމެ ފަހަރަކު ލައިބާއަށް ލެވޭ ހޮޑާއިއެކު އެބޭސްތައް ބޭރުވެގެންދެއެވެ. އޭނަ ހުރީ އެމީހުންގެ ކައިރިން ސަލާމަތްވާނެ އިރަކަށް ބަލަބަލައެވެ. އެހެންނަމަވެސް އަޒުރާ އޭނަ ލޮލުކޮޅަށް ނުފެންނަ ހިސާބު ދުރަށް ދާކަށް ގަސްތެއްނުކުރިއެވެ. ނަދިމާ އަޒުރާގެ އަތަށް ތަފާތު ވައްތަރުގެ ބޭސްކާޑުތަކާއި ބޭސްފުޅިތައް ދީފައި އޭނަގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

ލައިބާ ގޭތެރޭގައި ކުރަން ޖެހޭ އެއްވެސް މަސައްކަތަކަށް ބަދަލެއްނާދެއެވެ. އަޒުރާ އާއި ޔަޒާންއަށް އޭނަ އެހާލުގައިވެސް ކައްކާފައި ކާންދޭންޖެހެއެވެ. އެމީހުންގެ ދުލުން ބުނަމުންދާ ނުބައިބަސްތައް އަޑުއަހަމުން އެކަމަށް ކެތްތެރިވަމުން ދިޔަ ލައިބާއަށް މިއަދު އޭނަގެ ބަނޑުގައިވާ ކުއްޖާ ނޫން އެހެންއެއްވެސް ކަމެއް މުހިއްމެއްނޫނެވެ. ޔަޒާން ހިތަށް އަރައިފިއްޔާ ލައިބާގެ ގައިގާ އަޅާކޮއްޕާލި ކޮއްޕާލީނުން އޭނަ ބިންމައްޗަށް ވައްޓާލައެވެ. ނޫނީ ހިތަށް އަރައިފި ކޮންމެ ވަގުތަކު ގަޔަށް އަތްފޯރުކޮށް ހަދާނެއެވެ. ލައިބާގެ ނަސީބު ކަންނޭގެއެވެ. އެވަރުވެގެން ދާއިރުވެސް އޭނަގެ ބަނޑުގައި ރިއްސާތީއެއް އޭނަ ނޫޅެއެވެ. އެކަމުން އެއްވެސް ކަހަލަ އުނދަގުލެއް ލައިބާއަށް ނުފޯރައެވެ. ލުބާ ބުނިހެން އޭނަގެ ބަނޑުބޮޑުވާކަން ފާހަގަ ކުރެވެއެވެ. ހެނދުންތައްވެސް ބާރުވެއެވެ. އެކަމަކު އެވަރުން ފުއްދާލުން ނޫން ގޮތެއްނެތެވެ.

ހަވީރުގެ ވަގުތެވެ. ލައިބާ އުނދޯލީގައި އިށީނދެލައިގެން މަޑުމަޑުން ހެއްލާލަ ހެއްލާލަ އިނެވެ. ކުއްލިއަކަށް ގޭދޮރުމަތިން މީހަކު ހުރަސްކެނޑިހެން ހީވެ އެދިމާލަށް ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އަޒުރާ އިރުއިރުކޮޅާ ނުކުމެ ލައިބާއަށް ބަލާލައެވެ. މިއަދު ލުބާ އަންނާނެހެން ހީވާ ކަހަލަ ދުވަހެއް ނޫންކަން ލައިބާއަށް އިޙްސާސްވާކަހަލައެވެ. އެކަމަކު އޭނަ ލުބާ އާއި ވާހަކަދައްކަން ބޭނުންވެއެވެ. ދެން ހަދާނީ ކިހިނެތްތޯ އަހާލުމަށެވެ. ލައިބާއަށް ދެވަނަ ފަހަރަށްވެސް މީހަކު ގޭ ދޮރުމަތިން ހުރަސްކެނޑިހެން ހީވެ މަގުމައްޗާ ދިމާލަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރުވެސް މީހަކު ފެންނާކަށް ނެތެވެ. އޭނަ މަޑުމަޑުން ތެދުވެ ބޭރު ފާރުބުރި ކައިރިއަށް ދިޔައެވެ. އަދި މަގުގެ ދެފަރާތް ބަލާލިއެވެ. އޭރު މަނިކުގެ ފިހާރަ އާއި ޖެހިގެން ހުރި ގޭގެ ކަންމަތީ މަޑުކޮއްލައިގެން ހުރި ޒުވާނާ ލައިބާގެ ލޮލުގައި އަޅައިގަތެވެ.

“އެއީ މިހިސާބު ޒުވާނެއްތަ، އެކަމަކު ކުރިން ނުފެންނަނީ ކީއްވެބާ، މިނޫނީ ދުވަހަކުވެސް ބޭރަށް ނުކުމެލާ ތަނެއް ނުދެކެން، އެވާނީ އެފަރާތު ކުއްޖެއްކަމަށް” ލައިބާ އޭނަގެ ޒަމީރާ ވާހަކަދެއްކިއެވެ.

މަނިކުގެ ފިހާރަ އާއި ޖެހިގެން ހުރިގޭގެ ކަންމަތީ މަޑުކޮއްލައިގެން ހުރީ ލައިބާ އާއި އަތިރިމަތިން ދިމާވެ ވާހަކަދެއްކި ޒުވާނާއެވެ. އޭނަ ހިނިއައިސްފައި ހުރެ ދޭތެރެ ދޭތެރެއިން ލައިބާއަށް ކަޅިއެއް އެއްލައެވެ. ލައިބާވެސް އެބެލުންތަކަށް ޖަވާބުދެމުން ދިޔައީ ލަދުވެތިކަމާއިއެކުއެވެ. ލައިބާގެ ހިތްބާރަށް ތެޅިގަތީ އެޒުވާނާ ލައިބާ އާއި ދިމާލަށް އަންނަން ފެށުމުންނެވެ. ލައިބާއަށް ގޭގެ ދޮރުމަތީ ރަނާފައިވާ ފާރުބުރިއާއި ދުރަށްޖެހިލެވުނީ ދެން ހަދާނީ ކިހިނެތްބާއޭ ހިތަށް އަރާފައެވެ. އޭނައަށް ފަހަތަށް ގޭގެ ދޮރާދިމާލަށް ބަލާލެވުނެވެ. އަޒުރާ ހުރިތޯއެވެ. އަނެއްކޮޅުން ޔަޒާންވެސް ގޭގައި އެބައުޅެއެވެ. ލައިބާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާތަން ފެނިއްޖެނަމަ އެމީހުންގެ ޢަމަލުތައް ހުންނާނެ ގޮތެއް ލައިބާއަށް ނޭގޭތީ އެޒުވާނާ އާއި ވާހަކަދެއްކުމަކީ ބުއްދިވެރިކަމެއް ކަމާއިމެދު ސުވާލުއުފެދިގެންދިޔައެވެ. ވަކިގޮތެއް ނުނިންމިގެން އުޅެނިކޮށް އެޒުވާނާ އައިސް ލައިބާމެންގޭ ކުރިމަތީ ހުރި ގޭގެ ފާރުގައި ޖެހިލައިގެން ހުއްޓިއްޖެއެވެ. ލައިބާ ލަދުވެތި ހިނިތުންވުމެއް ދެމުން މަގުގެ އެހެން ދިމަދިމާލަށް ބަލަންފެށިއެވެ.

“ހީކުރިންތަ ފެނިދާނެ ކަމަށް” އެޒުވާނާ ސުވާލުކޮއްލިއެވެ. އޭގެ ޖަވާބުގައި ލައިބާ އިސްޖަހާލުމާއިއެކު ދެފަރާތައް މަޑުމަޑުން ބޯހޫރުވާލިއެވެ.

“ލައިބާ…” އެޒުވާނެގެ ދުލުން ބޭރުކޮއްލި ލައިބާގެ ނަންއިވުމުން އޭނައަށް ބުނެދޭން ނޭގޭފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. ބޭއިޙްތިޔާރުގައި އެޒުވާނާއަށް ބަލާލެވުނެވެ. އެންމެ ފުރަތަމަ ދިމާވިދުވަހެކޭ ތަފާތެއް ނެތެވެ. ހުސްފައިގައި ހުރި އިރު އަދިވެސް އެދެފައިގައި ދޮންވެލި ނުފިލާހުއްޓެވެ. ލައިގެން ހުރީ އެދުވަހުވެސް ފެނުނު މުށިކުލައިގެ ސޯޓެވެ. އަދި ގަޔަށް ހެޔޮވަރުކޮއްލާފައި ވަނީ އެދުވަހުވެސް ފެނުނު ހުދުކުލައިގެ އަތްކުރު ތުނި ގަމީހެވެ. ނައްޓާލެވިފައިވާ ގޮއްތަކުގެ ތެރެއިން އެޒުވާނާގެ މޭމަތި ފާޅުކަން ބޮޑުގޮތަކަށް ފެންނަމުންދިޔައެވެ. އެފަންއިސްތަށިގަނޑު އޮތީ މިނިވަންކަމާއިއެކު ދޫކޮއްލެވިފައެވެ. އެވިދުން އެކުލެވިފައިވި ދެލޯ މަންހާ އާއި ދުރަށް ނުދެއެވެ. ކުއްލިއަކަށް އެޒުވާނާ ލައިބާގެ ގާތަށް އައެވެ. މަޑުމަޑުން އަތުގެ ތެރޭ އަނބުރާލަ އަނބުރާލަ ގެންގުޅުނު ހުދު އަސުރުމާ ލައިބާއަށް ދިއްކޮއްލިއެވެ. ލައިބާއަށް ހައިރާންކަން ލިބުނެވެ. އޭނަ އަސުރުމަލެއް ދިނުމުން ލައިބާއަށް އިތުރު ހަނދާންތަކެއް އާވެގެންދިޔައެވެ. އެންމެ ފުރަތަމަ ލުބާ އާއި ދިމާވިދުވަހެވެ.

“މީ ކޮންފަދަ ބޮޑު އިއްތިފާގެއް، މީ ނަސީބުގެ މަލެއް، ހެޔޮހަބަރު ގެނެސްދޭ މަލެއް….” ލައިބާގެ ހިތް އޭނަ ގާތު ބުނެލިއެވެ.

“މިހިސާބުގަތަ އުޅެނީ” ލައިބާ ވަރަށް ހިތްވަރާއިއެކު އަހާލިއެވެ.

“ހޫމް، މީ އަހަރެންގެ ސަރަހައްދޭ، މިހާރު ބޭރުގައި ހުއްޓަސް، އަހަރެން އުޅެނީ ލައިބާގެ ގޭގައެއްނު، ލައިބާއަށް ފެންނަ ހިސާބުގައެއްނު…” އެޒުވާނާ ހިނިއައިސްފައި ވާހަކަދެއްކިއެވެ.

“ވަރަށް ސަމާސާ ކުރަންތަ” ލައިބާ ލަދުވެތިހިނުތުންވުމަކާއިއެކު އަހާލިއެވެ.

“ނޫނޭ، ބައެއްފަހަރު ސަމާސާކޮއްލާހިތްވޭ” އެޒުވާނާ ލައިބާއަށް ބަލަން ހުރެ ބުނެލިއެވެ. ލައިބާ ހިނިތުންވެލިއެވެ.

“އަހަރެންގެ ނަން އެހިއިރު، ތިފަރާތަށް ކިޔާނަމެއްނުބުނަމެއްނު” ލައިބާ ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ.

“އެހީމަތާ ބުނެވޭނީ، އަހަންނަށް ކިޔަނީ އަބިޔާލް” އެޒުވާނާ ގެ އަޑުގައިވާ ހިތްގައިމުކަމީ ލައިބާއަށް އެޒުވާނާއަށް ހާއްޞަކަމެއްދެވުނު ފުރުތަމަކަމެވެ. ދެވަނަ ފަހަރަށް ދިމާވުމުން ހިތް އެޒުވާނާއަށް އެދި ގޮވާލިކަން ލައިބާއަށްވެސް އިޙްސާސްވެގެން ދިޔައެވެ. އެކަމަކު އޭނަގެ ހާލު އަމިއްލައަށް ވިސްނެއެވެ. އަބިޔާލްއަށް އޭނަގެ ހަގީގަތް އެނގޭބާއެވެ. ނޫނީ އެނގިއްޖެނަމަ ދެންވާނީ ކިހިނެތްބާއެވެ. ކުއްލިއަކަށް އަބިޔާލް ލައިބާގެ މޫނު ކުރިމަތީ ފުއްޓެއްކެއް ޖަހާލިއެވެ.

“ކޮން ހިޔާލެއްގަ؟ އަހަރެން ދަނީ އިނގޭ، މީހުން ވަރަށް ބަލާނެއެއްނު މިތާ ހުންނަންޏާ، އަނެއްކާ ލައިބާގެ މަންމަ ނުކުމެދާނެ” އަބިޔާލް ފާރުބުރިމަތިން އަތްނަގަމުން ދުރަށް ޖެހިލިއެވެ. ލައިބާ މަޑުމަޑުން ބޯޖަހާލިއެވެ.

“ބޭރަށް ދާންތަ ތިވިސްނަނީ، ލަދެއްނުގަނެއޭ ބޮޑުބަނޑެއް ނުކުންނައިރު ބޭރުތެރޭ ނުކުމެ އުޅޭކަށް” ލައިބާ އަޒުރާގެ އަޑަށް ސިހިފައި ފަހަތްބަލާލިއެވެ. އަދި އަނެއްކާ އެނބުރި އަބިޔާލްއަށް ބަލާލިއެވެ. އެހެންނަމަވެސް އޭނައެއް ނެތެވެ.

“އަޒުރާ ފެނުނީމަ ދުވެ ފިލީކަންނޭގެ…ނަސީބެއްނު” ލައިބާގެ ހިތަށް ވަގުތުން އެރިއެވެ.

އަނގައިން ނުބުނެ އަވަސް އަވަހަށް އައިސް އުނދޯލީގައި ލައިބާ އިށީނެވެ. އަދި އަޒުރާ އާއި ދިމާލަށް ލޯއަޅާލަމުން އުނދޯލި ހެއްލާލިއެވެ. އަޒުރާއަށް ފޯނެއް އައީ އެވަގުތުއެވެ. އޭނަ އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ވަނީ އެތެރެއަށެވެ.

ފާއިތުވެދާ ކޮންމެ ދުވަހަކީ ލައިބާގެ ބަނޑަށް އިތުރުވަމުންދިޔަ ދުވަހަކެވެ. ބަނޑުގައިވާ ދަރިފުޅު ބޮޑުވުމަށް ލިބުނު ފުރުޞަތުތަކެކެވެ. ނަދީމާ އާއި އަޒުރާއަށް ލައިބާގެ ބަނޑަށް ނުވަމަސްފުރުނުއިރުވެސް އެބަނޑުގައިވާ ކުއްޖާއަށް ކަމެއްނުކުރެވުނެވެ. ލައިބާގެ ބަނޑުބޮޑުކަމުން އޭނައަށް މަސައްކަތްކުރަން އުނދަގޫވިއެވެ. ގޭތެރޭގައި މީހުން ނޫޅޭ ވަގުތު ތަކުގައި ބަދިގޭ މަސައްކަތްތަކުގައި ލުބާ އޭނައަށް އެހީތެރިވުމުގައި އުޅެއެވެ. އެހެންނަމަވެސް މިހާރު އުނދޯއްޔާ ހަމައަށް ނުކުތުންވެސް އަޒުރާ އޮންނަނީ މަނާކޮއްފައެވެ. ދެފައިން ހިނގަން ބޭނުންވާނަމަ ގޭގެ ގޯތިތެރޭ އުނދޯއްޔާ ހަމައަށްވެސް ނުކުމެގެން ނުވާނެކަން އަޒުރާވަނީ އަންގާފައެވެ. ދެމަސްވެގެން ދިޔައިރު ލައިބާއަށް ޔަޒާންގެ ފަރާތުން ބޮޑެތިއަނިޔާ ލިބެމުންދިޔައެވެ. އޭނަ ބޭނުންވާގޮތަށް ލައިބާއަށް އެއްވެސް ކަމެއްކޮއްދެވޭކަމަކަށްނުވެއެވެ. ލައިބާގެ ގައިގެ ތަން ތަންގަނޑު ނޫފައިގަނެފައި ހުންނަތަންވެސް އަޒުރާއަށް ފެނެއެވެ. އެކަމަކު އެކަމާ ސުވާލުކޮއްލަން ހިތަށްވެސް ނާރައެވެ. އަނެއްކޮޅުން ލައިބާގެ ހިތަށް އިތުރުވޭން ލިބުނު ކަމަކަށް އަބިޔާލް ނުފެނުންވިއެވެ. ލައިބާ ލުބާގެ ގާތުގައި އެހުރިހާ ވާހަކައެއް ކިޔާދެމުންދިޔައެވެ. އޭނަގެ ހިތުގައި އަބިޔާލްއަށް ހާއްސަކަމެއް ދެވިފައިވާކަމެވެ. ހަޔާތުގެ ބައިވެރިއަކު ހޮވާނަމަ އަބިޔާލްފަދަ މީހަކު އޭނަ ބޭނުންވާވާހަކައެވެ. އޭނަ އާއި މެދު އަބަދުކަހަލަ ގޮތަކަށް ވިސްނޭކަމެވެ. ނުފެންނާތީ ހިތަށް ތަދުވާކަމެވެ. މީ ލޯބިކަމުގައި ވާނަމަ އޭނަ އަބިޔާލްދެކެ ލޯބިވާ ވާހަކަވެސް ބުންޏެވެ.

ލައިބާގެ ހިތަށް އަބިޔާލްގެ ވާހަކަތަކުން ލުބާ ހަމަޖެހުން ހޯދާދޭން މަސައްކަތްކުރަމުންދިޔައެވެ.

“ލުބާ ދަންނަންތަ އޭނަ؟” ލައިބާއަށް އާބިޔާލް އާއި ލުބާ އާއި ގުޅުމެއްވާހެން ހީވުމުން އަހާލެވުނެވެ.

“ކިހިނެތްވީ، މިރަށުގަ އުޅެންޏާ، އަދިއެވެސް މިހިސާބުގަ އުޅެންޏާ އަހަންނަށް ފެނިފަވެސް ހުރެދާނެއެއްނު” ލުބާ އޮޅުވާލަން އުޅޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ލައިބާ އެކިއެކި ސުވާލުތައް ކުރަންފެށިއެވެ. އެހެންނަމަވެސް އެދެވޭކަހަލަ ޖަވާބެއް ލުބާ ނުދިނެވެ. އަބިޔާލް އާއި ލުބާ އާއިއެއީ ދެރަޙުމަތްތެރިންބާއޭ ލައިބާގެ ހިތަށްއެރިއެވެ. އަނެއްކާ އަބިޔާލް ލައިބާއާއި ވާހަކަދައްކަނީ ލުބާ ބުނެގެންބާއޭ ލައިބާގެ ހިތަށް އެރިއެވެ. އެހިޔާލު ލައިބާގެ ހިތާ ސިކުނޑިއަށް މީގެކުރިން ދުވަހަކުވެސް ނުކުރާފަދަ އުނދަގޫތަކެއް އިޙްސާސް ކުރުވިއެވެ.

“ލުބާ، އަޅެ ބުނެބަލަ، އަބިޔާލް ދަންނަންތަ، ލުބާގެ ރައްޓެއްސެއްތަ އެއީ، އަހަރެން ލުބާ ކައިރީ އެއްކަލަ ވާހަކަ ދެއްކިފަހުންދޯ އާބިޔާލް އަހަންނާ ވާހަކަދެއްކީ” ލައިބާ ރޯނުގައި ބެޑުޝީޓުތައް ހިއްކަން އަޅަން ހުރި ލުބާގެ ދާދި ގާތުގައި ހުރެގެން މަޑުމަޑުން ވާހަކަދައްކަމުންދިޔައެވެ.

“ތީ ލައިއަށް ހީވާގޮތޭ، އަބިޔާލް އާއި ލައި ދިމާވީ އެންމެ ރަނގަޅު ވަގުތުގަ، އެކަމާ ދެން ނުވިސްނަބަލަ، އަބިޔާލްއަށް އެނގޭނެ ލައިއަކީ އެހެން އަންހެން ކުދިންފަދަ އަންހެން ކުއްޖެއް ނޫންކަން، ވެދާނެއެއްނު އެހެންވެ ކަމަށް ލައިއާއި ވާހަކަދެއްކީވެސް، ކިހިނެތް އެނގެނީ އޭނަގެ ހާލަކީވެސް ލައިމަތިން ހަނދާންކުރުން ނޫންކަމެއް، ލައިބާ ބޭރަށް ނުކުންނަ ނަމަތާ އަބިޔާލް ފެންނާނީވެސް” ލުބާ ކޮންމެވެސް ގޮތަކުން ހަމަޖައްސާލިއެވެ.

ހަވީރުގެ ވަގުތުގައި ލައިބާ އޮތީ ކުރާނެކަމެއްނެތި އެނދުގައި އޮށޯވެލައިގެންނެވެ. މަޑުމަޑުން އަތުން ބަނޑުގައި ފިރުމަމުން ދިޔައިރު އޭނަގެ ސިކުނޑީގައިވަނީ އެތަށް ސުވާލެއް އުފެދި ފުނިޖެހިފައެވެ. ދަރިފުޅު އުފަންވާވަގުތު ވާނީ ކިހިނެތްބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަޒުރާމެންގެ މަސައްކަތް ކާމިޔާބު ނުވިއެއްކަމަކު ބަނޑުގައިވާ ދަރިފުޅު އުފަންވުމުން އެކުއްޖާ ގެންގުޅޭނެ ގޮތަކާއިމެދު ލައިބާ ސުވާލުއުފެދުނެވެ. ލުބާ ކައިރީ އަޒުރާ ގޭގައި ނޫޅޭވަގުތުތަކުގައި ގޭތެރެއަށް ވަނުމަށް އެދި އާދޭސް ކުރިކަމުގައިވިޔަސް ނުވަންނާނެއެވެ. ވީއިރު ލުބާގެ އެހީ ހޯދާނީވެސް ކިހިނެތް ހެއްޔެވެ. ލުބާ އުޅޭތަނެއް އަހައިފިނަމަ ކޮންމެވެސް އެހެން ވާހަކައެއް ފަށާނެއެވެ. ބައެއްފަހަރަށް ލައިބާއަށް ސުވާލު ގިނަކުރަންވެސް ނުކެރެނީއެވެ. ލުބާގެ އެހީތެރިކަން އޭނަ ބޭނުންވާލެއް ބޮޑުކަމުންނެވެ. ލުބާ ނެތްނަމަ މިއަދު އޭނައަށް އާދެވިފައިވާ ހިސާބަށްވެސް ނާދެވޭނެކަން ޔަގީނެވެ. ލައިބާގެ ބަނޑަށް ނުވަމަސް ފުރުނު ދުވަހު ލުބާ ދެއްކި ވާހަކަ އޭނަ ހަނދާނެއްނުނެތޭނެއެވެ. ލައިބާ އާއި އޭނަގެ ދަރިފުޅު ސަލާމަތުން ގެންދާނެކަމެވެ. އެކަމަކު އެއީ ކޮންދުވަހަކުންކަމެއް ނުބުނެއެވެ. އަދި ގެންދާނީ ކޮންތާކަށްކަމެއްވެސް ނުބުނެއެވެ. ލައިބާގެ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދޭނެކަމުގެ އުއްމީދު ލުބާ އާލާކޮއްދިނެވެ.

“ވަރަށް އުފަލުންދޯ ތިއޮންނަނީ، ކަލޭ ބޭނުންގޮތަށް ތިކަންތައްވީމަ، ބުނަން އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ކަލެއަށް ހަމަޖެހުމެއްނެތްކަން ދަންނާތި” ކޮޓަރީގެ ދޮރުމަތީ ހުރި އަޒުރާގެ އަޑު ލައިބާއަށް އިވުނެވެ.

“ކަލޭ މަގޭ ބަނޑުގަ އޮންނަ ދަރިމަރަން އުޅޭއިރު، ކީއްވެތަ އަހަރެން ދުނިޔައަށް ގެނައި، އަދި އެވެސް ދެފުރާނަ ކަލޭ މިދުނިޖެއަށް ގެނައި، ގެނެސްފަ އެދެކުދިން ވަކިކުރުވީ ހަމަ ކަލޭ، މިއަދު އަހަރެން މިހާ އެކަނިވާން ޖެހުނީވެސް ކަލެއާއި ހެދި، ބައެއްފަހަރު ހިތަށް އަރާ ނަސީބެކޭ އޭނަ މިގޭގަ ނޫޅޭކަން….” ލައިބާއަށް އަޒުރާގެ ބަސްތައް އަޑުއިވުމާއިއެކު ރައްދުދިނެވެ. އޭނަ އަޒުރާކޮއްފާނެ ކަމެއްދެކެ ކިތަންމެ ބިރުގަތްކަމުގައި ވިޔަސް އަޒުރާދެކެ އަންނަ ރުޅި ކޮންޓްރޯލްއެއް ނުކުރެވެއެވެ. ބުނާ ކޮންމެ ބަހެއްގެ ރައްދުދޭން އޭނަ ބޭނުންވެއެވެ. އޭނައަށް ވެގެންވަންޏާ އަޒުރާގެ އަނިޔާތަކުން ސަލާމަތްވާން މަސައްކަތްވެސް ކުރެއެވެ.

“ކަލޭ މަރާލަން އަހަރެން ހާދަ މަސައްކަތެއް ކުރީމޭ، އެކަމަކު ވީކަމެއް ހަރާން، ސުންޕާކަމުން އަހަންނަށް އުނދަގޫކުރަން ދުނިޔެއަށް އަންނަންވެއްޖެވިއްޔަ، އަހަރެންގެ ހަށިގަނޑުގެ ރީތިކަން ނަގާލީ ހަމަ ކަލޭ، ކިހާ ދުވަހަކު އަހަރެން އުޅެންޖެހުނު އެވޭނުގަ، ހައްވަދައިތައަށް އެނގޭނެ އަހަރެން އުޅުނު ހާލު، އެމީހާގަނޑާހެދި ކަލޭ ދުނިޔެއަށް އައިމަ މަރާނުލެވުނީވެސް، އެހެންނޫންނަމަ ކަލޭކަހަލަ ސުންޕާމީހަކު އަހަރެން ބޭނުންވާނެތަ އަހަރެންގެ ގޭގަ އުޅެން” އަޒުރާ އައިސް ލައިބާގެ ކުރިމައްޗަށް ހުއްޓެމުން ވާހަކަ ދައްކިއެވެ.

“އެއީ އަހަރެން ކުރާނެކަމެއްތަ، އަހަރެން ކުޑަކުޑައިރުއްސުރެ އަހަރެން ހީކުރީ ކަލެއަށް ލިބުނީ އަހަންނާ ޔަޒާން އާއިއެކަނި ކަމަށް، އެކަމަކު…..ކީއްވެތަ އެހެން ހެދީ…..” ލައިބާ އަޒުރާ އާއި ކުރިމަތިލަމުން މަޑުމައިތިރިކަމާއިއެކު އަހާލިއެވެ.

“އަހަރެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް އެއީ ކަލެއާއި ބެހޭ ކަމެއްނޫނޭ، އަހަރެން ބަނޑުބޮޑުވާހާ ފަހަރަކު އެކުއްޖާ އުފަން ކުރަންޖެހޭތަ، އަހަރެންގެ ރަހިމުގައި ކަލޭ އޮތްކަމަކު އަހަންނާ ކަލެއާއި ހާސް ފަރަގު ހުންނާނެ، މިހާރުވެސް ބަލާބަލަ އަމިއްލައަށް ބުއިބޮނޑި، ކަލޭ ދަރިއެއް ވިހައިގެން އުޅޭނީ ކިހިނެތް، އަހަރެންގެ އަތުން ލޯލާރިއެއްހާ ހިސާބުވެސް ހަރަދު ނުކުރާނަން، ހީނުކުރާތި ކަލޭ ވިހޭމަ އަހަރެން ބަދަލުވެދާނެއޭ، ނުވާނެ ތިކަމެއް، ކުރިން މިބުނެލީ އަހަރެންގެ ފަރާތުން އެއްވެސް ވަރެއްގެ އެހީއެއް ލިބޭނެކަމުގެ އުއްމީދު ނުކުރާތި، ކަލޭ އަމިއްލައަށް ތިކުޑައެއްޗަށް ދޭނެ އެއްޗެހިވެސް، ލައްވާނެ އަންނައުނުވެސް ހޯދަން ޖެހޭނީ….” އަޒުރާގެ ވާހަކަ މެދުކަނޑާލިއެވެ.

“އަހަރެންގެ ވާހަކައެއް ނޫނޭ މިދައްކަނީ، މިދައްކަނީ އަހަންނާއިއެކު އުފަންވި އަހަރެންގެ ދެވަނަ ކުއްޖާގެ ވާހަކައޭ، ކީއްވެހޭ އަހަރެން ބަހައްޓާފަ އޭނަ އެހެންމީހަކަށް ދިނީ؟” ލައިބާ ހަރުކަށިކަން އެކުލެވިފައިވާ ގޮތަކަށް ބުނެލިއެވެ.

“ކޮންވާހަކައެއް ތިދައްކަނީ، އަހަރެން ނުދެނަ ހުރިން….” އަޒުރާ ނިތަށް ރޫއަރުވާލަމުން ލައިބާއަށް ފާޑަކަށް ބަލާލިއެވެ.

“އާން، ނޭގޭނެ، ކަލެއަށް ހަމައެކަނި އެނގޭކަމަކީ ފިރިހެނުންގެ އެނދުންތައް ފުއްދާދިނުން، އެކަން ކަލެއަށްވުރެ މޮޅަށް އެނގޭނެ އެހެން އަންހެނަކު މުޅި މިރަށުގަވެސް ހުންނާނެ ހެނެއް ހިޔެއްނުވޭ…..އަހަރެންނާ އޭނަ އާއި ވަކިކުރިއިރު ކަލޭ ހީނުކުރަން އަހަރުމެން ދެމީހުން އެކަކު އަނެކަކާ ދިމާވެދާނެއެކޭ، ބަލަ އޭނައަށް އެނގެޔޭ ކަލެއަކީ ކޮންކަހަލަ މައެއްކަން، އޭނަގެ އަނގައިންވެސް ކަލެއަށް ދުވަހަކުވެސް މަންމައޭ ގޮވާލާއަޑެއް އަހަރެން ނާހަން، އެހެންވެ އަހަރެންވެސް ކަލެއަށް މަންމަ ކިޔުންހުއްޓާލީ، ކަލެއަކީ މަންމައެއްގެ ލަގަބުދޭވަރަށްވުރެ ރަޙުމުކުޑަ އަނިޔާވެރި މީހެއް، ކަލޭ އަހަރެން މަރުވާން އެދޭވަރަށް އަހަރެންވެސް ހިތަށް އަރާ ކަލޭގެ ކައިރިން އަހަންނަށް ސަލާމަތްވެވޭނީ ކޮންދުވަހަކުންބާއޭ….” ލައިބާ ދެރަވާގޮތްވިއެވެ. އޭނަ އާއި ލުބާ އާއި އެކުގައި ހޭދަކުރެވިފައި ވަގުތުތައްމަތިން ހަނދާންވިއެވެ.

“ބުނަން އަހަރެންނަށް ނޭގޭ ކޮންވާހަކައެއް ކަލެއަށް މާއެނގިގެން ތިއުޅެނީ، ސާފު ބަހުން އަހަނަށްވެސް އެނގޭނޭހެން ނިކަން ބުނެބަލަ” އަޒުރާ ރުޅިގަދަވާގޮތްވިއެވެ. އެހެންނަމަވެސް ލައިބާ ވާދަކިޔާހާ ހިނދަކު އޭނައަށް ދޫކުރާ ކަހަލަ ހިޔާލެއް ނުކުރެއެވެ.

“މިދައްކަނީ ލުބާގެ ވާހަކަ، އަހަންނާއިއެކު ކަލޭގެ ބަނޑުގައި ދެންއޮތް ކުއްޖާގެ ވާހަކަ، ކީއްވެހޭ އޭނަ އެހެންމީހަކަށް ދީފަ އަހަރެން ކަލޭގެ އަނިޔާވެރިކަމުގައި ގެންގުޅެން ބެހެއްޓީ، އަހަރެންވެސް މީހަކަށް ދިންނަމަ، އޭރުން ކަލޭވެސް އަހަރެންގެ ސުންޕާކަމުން ސަލާމަތްވީއެއްނު، އަހަންނަށް ލުބާފަދަ ރަނގަޅު ދިރިއުޅުމެއްވެސް ލިބުނީހެއްނު، އޭނަފަދައިން އަހަންނަށްވެސް ކިޔަވާ މޮޅުމީހަކަށް ވުމުގެ ފުރުޞަތު ލިބުނީހެއްނު، މިހާރު އަހަރެން ކަލޭދެކެ މިއަންނަ ރުޅި އާޢި ވާފޫހި ނުވީސްކަން ޔަގީން، އޭރުން އަހަރެން ދިނީ ނުބެލިގެން ކަމުގައި އަހަންނަށް ގަބޫލުކުރެވުނީސް ކަންނޭގެ، އަހަންނާ އަހަރެންގެ ބޭބެ އާއިމެދު އޮންނަ ގުޅުންވެސް ރަނގަޅުވީސް، ލުބާ އަހަރެންގެ ކައިރިއަށް ނައިނަމަ އަހަންނަށް ނުވެސް އެނގުނީސް ކަލޭ އެއްމާބަނޑު ދެކުދިން ވިހޭކަންވެސް، ކަލޭ ދެކުނިންތަ އެއްފަހަރުވެސް އޭނަ، އަހަންނާ އޭނަ އާއި ބަހައްޓައިފިނަމަ އެއްވެސް ތަފާތެއް ނުހުންނާނެ….ކީއްވެތަ އެހެން ހެދީ؟” ލައިބާއަށް ރޮވުނެވެ. އޭނަ ލުބާގެ ވާހަކަ އަޒުރާގެ ގާތުގައި ނުދެއްކުމަށް ހުރީ އަމިއްލައަށް ވައުދުވެގެންނެވެ. އަނެއްކޮޅުން ލުބާވެސް ލައިބާގެ ގާތުގައި އަޒުރާކައިރީ އޭނަ އަންނަ ވާހަކަ ނުބުނުމަށްވަނީ ބުނެފައެވެ. އެހުރިހާ ކަމެއް މިއަދު ބަދަލުވެއްޖެއެވެ.

“ކަލޭ ތިހިރީ ހަމަ ރަނގަޅަށް މޮޔަވެފަ، ހަމަޖެހޭ އެއްޗެކޭ ނިކަން ކިޔާބަލަ، އަހަރެން ދުނިޔަށް އުފަންކުރިއްޔާ ކޮއްފަހުންނާނީ ކަލެ އާއި ޒާން އާއިއެކަނި، ދެން ކޮން ލުބާއެއްތަ، އަހަރެން ދުވަހަކުވެސް އެއްމާބަނޑު ކުދިންނެއް ނުވިހަން، އަދި އެފަދަ ގޮތަކަށް ބަލިވެ ވެސް ނީނދޭ، އަހަންނަކަށް ނޭގޭ ކަލޭ ކޮންތާކުން އަޑުއަހައިގެން ދައްކާ ވާހަކައެއް ކަމެއްތީ، މިހާރު ދެން ކިޔާނެ އެއްޗެއް ނޭގިގެންތަ ތިއުޅެނީ، އަހަރެން ކުދިންވިހާފަ ނުބަހަމޭ މީސްމީހުންނަށް، ކާކުތަ އުޅެނީ ތިކަހަލަ ބުރައެއް ބޮލުގަނޭޅިގެން، މަށެއްނޫޅެން ތިވާހަކަތައް އަޑުއަހާކަށް، އަދި ތިބަނޑުގައޮތް އެތި ނުކުތީމަ ތިއަށްވުރެވެސް ބޯގޯސް ކަލޭ ވާނެ، ދުނިޔޭން އެކީ މޮޔަވާނެ ކަލޭ” އަޒުރާ ހެމުން ކަހަލަ ގޮތަކަށް ފަހުބަސްތައް އަމުނާލިއެވެ.

“ނޫން، އަހަރެން މޮޔަވެގެން ދައްކާވާހަކައެއް ނޫނޭ މީ، އޭނަ ފެނުނު ކޮންމެ މީހަކަށް އެނގޭނެ އަހަންނާ އޭނަ އާއި އެއްވެސް ތަފާތެއްނެތްކަން، އަހަރުމެން ދެމީހުންގެ ތެރެއިން ކޮއްކޮއަކީ ކޮބާކަމެއް، ދައްތައަކީ ކޮބާކަމެއް ނޭގޭ….މިއަދު މިހިސާބަށް މިއާދެވުނީ އޭނަގެ ހިތްވަރުން، އެހެންނޫނަމަ އަހަރެން ކަލޭ ހިތްއުފާވާފަދަ ކަމެއްކޮއްގެން މިދުނިޔެއާއި ވަކިވާނެތާ ކިތަންމެ ދުވަހެއް” ލައިބާ ރޮމުން ބުނެލިއެވެ. އޭނައަށް މިހާރު ވާނުވާ އޮޅިއްޖެއެވެ. އަޒުރާ އެއްގޮތަކަށްވެސް އޭނަ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރިއެވެ. އޭނަ އާއިއެކު ލުބާ އުފަންނުވާފަދައެވެ. އެކަމަކު ލުބާ ހުންނަނީ އޭނަގެ ސިފައިގަ ކަމާއިމެދު އޭނަ އެއްވެސް ޝައްކެއްނުވެއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ބަލާލުމުން ފެންނާނީ އެފަދަ ގޮތަކަށެވެ. އިތުރުވާކަމީ ލޯގަނޑުން ފެންނަ ސޫރަ ވާހަކަ ނުދައްކާކަމެވެ. އެކަމަކު ލުބާ އޭނައަށް އެކިއެކި ކަންތައްތައް ކޮއްދެއެވެ. ކުޑައިރުންފެށިގެން މިހިސާބަށް އޭނަ ބޮޑުވެގެން އައި މަންޒަރުވެސް ލައިބާވަނީ ދެކިފައެވެ. ވީއިރު އަޒުރާއަށް ލުބާ ނޭގެންވީ ކީއްވެ ހެއްޔެވެ. އަޒުރާ ގަސްދުގަ ލައިބާއަށް ހަގީގަތް އޮޅުވާލަނީބާއޭ އޭނަގެ ހިތަށްއެރިއެވެ. ލުބާގެ ހަގީގަތްވެސް އޭނަ އަމިއްލައަށް ލައިބާއަށް ހާމަކުރާކަށް ބޭނުމެއްނުވެއެވެ. މިހާރު ލައިބާއަކީވެސް ކުޑަކުއްޖެއްނޫނެވެ. ކަންތައްތަކާއިމެދު ވިސްނާ ފިކުރުކުރުމީ އޭނަގެ އާދައަކަށްވެފައިވާ ކަމެކެވެ.

އަޒުރާ ކޮޓަރިން ނުކުމެގެން ދިޔައީ ހެމުންހެމުންނެވެ. އޭނަ ލުބާގެ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދިނެވެ. އޭނަ ހީކުރީ ލައިބާ ހަދައިގެން ދައްކަމުންދާ ވާހަކައެއް ކަމުގައެވެ. ލައިބާއަށް ވަކިން ބޮޑަށް ރޮވުނެވެ. އޭނަ ނިންމީ ލުބާގެ ގާތުން ހަގީގަތް އޮޅުންފިލުވަމަށެވެ. ދޮގުހަދަނީ އަޒުރާ ކަމެއް ނޫނީ ލުބާކަމެއް މިހާރު އޭނައަށް ޔަގީންކުރާކަށް ނޭގެއެވެ. އެވާހަކައިގައި ހަގީގަތެއް އެކުލެވިފައިވާނަމަ އަޒުރާ އެގޮތަށް ހެމުންނެއް ނުކުމެގެން ނުދާނެއެވެ.

އަޒުރާ ލައިބާގެ ކޮޓަރިން ނުކުމެ ބޮޑުއަށިމަތީ ހަމަޖެހިލިއެވެ. އޭނަ ލައިބާގެ ކުރިމަތީގައި އޭނަ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދިންކަމުގައިވިޔަސް އޭނަ ލައިބާ ދެއްކި ވާހަކަތައް އަޑުއެހިއެވެ. އެއީ ކީއްވެ ލައިބާ ދެއްކި ވާހަކައެއްބާއޭ އަޒުރާ ހިތަށް އަރަމުންދިޔައެވެ “ލުބާ” އެއީ ކާކު ބާވައޭވެސް އޭނަގެ ހިތަށްއެރިއެވެ. ލައިބާގެ ސިފައިގައި އެމީހަކު ހުއްޓެއްކަމަކު އޭނަ އެއްމާބަނޑު ދެކުދިންނެއް ނުވިހައެވެ. އަދި ވިހޭކުއްޖެއް މީހަކަށް ދީފައެއްވެސް ނެތެވެ. އޭނަ އެއްގޮތަކަށްވެސް ލައިބާގެ ބަނޑުގައިވާ ދަރިފުޅު އުފަންވާކަށް ނޭދެއެވެ. އަދި ލައިބާއިނީ ބަލިވެކަންވެސް އެންމެނަށް ސިއްރުކުރަމުންދަނީ ހަމައޭނަގެ ނުފޫޒުގެ ބޭނުންކޮއްގެންނެވެ. އަޒުރާ ލައިބާ ވިހަންވާއިރަށް ކަންކުރާނެގޮތެއް ވަނީ ނަދީމާ އާއި މަޝްވަރާކޮށް ނިންމާފައެވެ.

ޔަޒާން އަޒުރާގެ ކޮޓަރިން ނުކުމެގެން އައިސް ބޮޑުއަށީގައި އަޒުރާ އާއި ތަންކޮޅެއް ދުރުގައި އަރާ އިށީނެވެ. ހުޅުވާފައިވާ ޓީވީއަށް ބަލަހައްޓައިގެން އިން އަޒުރާ ޔަޒާންއަށް ބަލާވެސް ނުލައެވެ.

“އަހަންނަށް އެނގޭ ޒާންގެ ދަރިއަކަށްކަން ލައިބާ ބަލިވެއިނީ، ކީއްވެ؟ އަހަރެން ޒާންއަށް ރައްކާތެރިވާނޭ ހުރިހާ ގޮތެއް ކިޔާދިނީމެއްނު، އަހަންނަށް އެނގޭ ޒާން ތިކުރާ ކަމެއް ނުހުއްޓާނެކަން، އެކަމަކުވެސް އޭނަ ބަލިވެ ނީންނަގޮތަކަށް ތިކަންކުރަންވެއްޖެއެއްނު، މިއޮއްހުރިހާ ދުވަހު ހުރެފަ ކީއްވެ މިހާރު އެހެން ހަދަންވީ؟” އަޒުރާ އިންގޮތަށް އިނދެ ވާހަކަދެއްކިއެވެ.

“މިގޭގަ ފިރިހެނަކު ނޫޅެއެއްނު އަހަރެންނޫނީ، އަޒުރާއަށް އަހަރެންގެ އެހީ ބޭނުންވާގޮތަށް އަހަރެން ލައިބާއަށް ބޭނުންވެޔޭ، އޭނަ ކައިވެނި ކޮއްގެން ދާންވާއިރަށް ރަނގަޅު ހަދިޔާއެއްދޭންވެގެން ކުރިކަމެއް އެއީ، އެކަމަކު އެ މަނިކުވެސް މަރުވީވިއްޔަ……އަނެއްކޮޅުން އަހަރެން ބުނާހާގޮތެއް މިހާރު ލައިބާ ހަދަނީކީ ނޫން، އެހެންވީމަވެސް ވާނީ އެކަހަލަ ގޮތްގޮތޭ…” ޔަޒާން އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ.

“އެވެސް އިތުރުވާ ބޮލެކޭ، މީހުން ބުނާނެ އެއްޗަކަށްވެސް ނިކަން ވިސްނާލައިގެން އުޅެބަލަ، އަހަރެން މިހާރު ތިކަމެއް މަނައެއްނުކުރަމެއްނު، އެކަމަކުވެސް ހެޔޮ، ލައިބާ ބަލިވެ އިންނަމީ އެންމެ ފަހު ފަހަރު” އަޒުރާ އޭނަގެ ނިންމުން އަޑުއިއްވާލިއެވެ.

ފަތިސްވާން ކައިރިވިވަރަކަށް ގޭތެރޭގައި އުޅޭމީހުންގެ އަޑުތައް މަޑުމަޑުންގޮސް ހިނދިއްޖެއެވެ. ޔަޒާން ކޮޓަރިއަށް އައީ އެވަގުތުއެވެ. ނުނިދިފައިއޮތް ލައިބާއަށް ކުއްލިއަކަށް ތެދުވެވުނީ ޔަޒާންގެ ރަތްވެފައިހުރި ދެދޮލާއި ނިވާކަމެއްނެތް ހަށިގަނޑު ފެނުމުންނެވެ. އޭނަ އައިގޮތަށް އައިސް ލައިބާގެ އިސްތަށިގަނޑުގައި ހިފައި ގެނެސް އޭނަގެ މޭގައި ލައިބާގެ މޫނުޖައްސާލިއެވެ. ލައިބާއަށް ދުވިވަހުން ޔަޒާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އޭނަ އެކަމާ ހިތްހަމަ ނުޖެހުނެވެ. އަނެއްކާވެސް ލައިބާ އާއި ގާތްވުމަށް އުޅުނެވެ. މިފަހަރު ލައިބާ އޭނަ ދުވަހަކުވެސް ނުކުރާކަމެއްކުރިއެވެ. ފައިކުރުކޮއްލާފައި ޔަޒާންގެ ބޮނޑުކޮޅުގައި ފައިންޖެހިއެވެ. އަދި އޭނަ އާއި ގާތް ނުވުމަށް އަމުރުވެރިގޮތަކަށް ބުނެލިއެވެ. ޔަޒާންއަށް ވީތަދުން ކޮޅަކަށް ނުހުރެވުނެވެ. އޭނަ ތަޅުންގަނޑުމައްޗަށް ދެމުނީއެވެ. އިތުރަށް ލައިބާ އާއި ކައިރިވާކަށް މަސައްކަތެއްވެސް ނުކުރެވުނެވެ. އެހެންނަމަވެސް އޭނަގެ ގާތަށް ރުޅިއައެވެ. އަދި ދުލަށްއައިހައި ނުބައިއެއްޗެއް ލައިބާއަށް ގޮވަންފެށިއެވެ.

މުޅި ދުވަހު ކަހަލަ ގޮތަކަށް ޔަޒާން ހުރީ ލައިބާދެކެ ރުޅިއައިސްފައެވެ. އަދި އޭނަ އާއި ދިމާލަށް އެކަމުގެ ބަދަލު ހިފާނަން ކަމުގައި ބުނަމުންދިޔައެވެ. އޭނަ އެކަން ކުރީ އަޒުރާ މެންދުރު ބޭރަށް ދިޔަވަގުތު ބަލާފައެވެ. އޭނަ އާއިއެކު ދެތިން ހަތަރު ބޮޑެތި ފިރިހެނުންގޮވައިގެންއައިސް ލައިބާ އާއި ކުރިމަތިލިއެވެ. ގަދަކަމުން އެމީހުން ބޭނުންހާކަމެއް ލައިބާއަށް ކުރަމުންދިޔައެވެ. ރޯވުނެއްކަމަކު ލައިބާ ހަޅޭކެއްނުލަވައެވެ. އޭނަ އާދޭސްކުރަމުންދިޔައީ އޭނަގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއްލިބިދާނެތީއެވެ. ޔަޒާން ހިތްފުރޭވަރު ވުމުން ދެންތިބި މީހުންނަށްވެސް ދާން އިޝާރާތްކުރިއެވެ. އެމީހުން ޔަޒާންގެ މޫނަށް ބަލާލަމުން ލައިބާ އާއި ދުރަށް ޖެހުނެވެ. އަދި ލައިބާގެ ކޮޓަރިން ނުކުތުމުން ޔަޒާން ލައިބާގެ އަތުގައި ހިފާދަމަމުން ކަހަލަ ގޮތަކަށް ބަދިގެ ފަރާތަށް ނެރި ކުންނާރު ގަހާދިމާލަށް ކޮއްޕާލިއެވެ.

“ކޮބާތަ ކަލޭ ސަލާމަތްކޮއްދޭހިތުން އުޅޭ އެއްޗަކީ، އަންމިއޮތީ، ހަދާނެ ގޮތެއް ހަދާފަ، ނިކަން އަހަރެންގެ ގައިގަ އަތްލަބަލަ، އަދި ފުއްޕާފަ އުޅެޔޭ އަހަރެން ބިރުގަންނާނެކަމަށް، މިފަހަރު އަޑެއްބަޑެއް ލައްވާނުލީ ކީއްވެތަ؟ މިގޭ ފުރާޅު ވައްޓާލާވަރު ނުކުރީ ކީއްވެތަ، އަޒުރާބުނިހެން އަހަންނައްވެސް އެރެއަށްފަހު އެނގިއްޖެ މިކަމާ އޭނަ އާއިކަން ގުޅިފައިވަނީ، މަށަށްވަރިހަމަ ކަލޭތީ ކޮންމެ އެއްޗަކަށްވިޔަސް، ކަލައެކަށް އޭނައެއް ނުވެސް ގެންދެވޭނެ، އަހަރެން ބޭނުންގޮތެއް އޭނައަށް ހަދާނީ….އޭނަގެ ބަނޑުގަވެސް އެއޮތީ މަގޭ ކުއްޖެއް، ކަލޭހުރޭ ދުރުގަ އަޑުއަޑުލައްވަމުން ބަލަން” ޔަޒާން ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އަދި ވެލިގަނޑުމައްޗަށް އަރިއަކަށް ވެއްޓިފައިއޮތް ލައިބާގެ ބަނޑުގައި ފައިންޖަހަން އުޅުނުވަގުތު އައިނައިގޮތެއް ނޭގި މަތިން ވެއްޓުނީ ކާއްޓެކެވެ. ޔަޒާންގެ ފައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ.

“ތީ ދޯ ކުރަން އެނގުނު ވަރަކީ” ޔަޒާން ސިހުނެއްކަމަކު ބުނެލިއެވެ. އަދި އެތަނުގައި ނުހުރެ ނުކުމެގެން ދިޔައެވެ.

ކުއްލިއަކަށް މީހަކު އައިސް ލައިބާގެ ފުރަގަހުން އޭނަގެ ގައިގާ އަތްލުމާއިއެކު ސިހިފައި ދުރަށް ޖެހިލެވުނެވެ.

“އަހަންނޭ، ލުބާ…” ލުބާގެ އަޑުއިވުމުން ލައިބާއަށް ވަކިން ބޮޑަށް ރޮވުނެވެ. ބަނޑުގައި ލުބާގެ އަތްޖައްސާލުމާއިއެކު ދަރިފުޅު މަރުވީކަންނޭގެއޭ ބުންޏެވެ. ލުބާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވަމުންދިޔައެވެ. އޭނަ ލައިބާ ހަމައަކަށް އެޅުވުމަށް މަސައްކަތްކުރަމުންދިޔައެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތުމުންނެވެ. އޭނަ ލައިބާ ކޮޅަށްތެދުވުމަށް އެހީތެރިވެދިނެވެ. ލައިބާގެ އަތްނަގާ އެތެރެގެއަށް ވަންނަ ދޮރުކަނީގައި ޖައްސާލަމުން އެތެރެއަށްވަދެ ފެންވަރާލައިގެން ނުކުތުމަށް ލުބާ އެދުނެވެ.

“ލުބާ އާދެބަލަ، އަހަންނާއިއެކު ކޮޓަރިއާއި ހަމައަށް ހިނގާބަލަ” ލައިބާ ލުބާގެ އަތުގައި ބާރަށް ހިފާލަމުން ބުނެލިއެވެ. އެހެންނަމަވެސް ލުބާ އެއްވެސް އެއްޗެއް ނުބުނެ ހުރިގޮތަށް ހުރީއެވެ. ލައިބާ ދެތިންފަހަރުމަތިން އާދޭހުގެ ރާގަކަށް ބުނުމަށްފަހު އޭނަ ލުބާގެ އަތްފޮޅުވާލިއެވެ. އަދި ގޭތެރެއަށް ވަދެގެންދިޔައީ ވަރަށް ހާލުންނެވެ. އެމަންޒަރު ބަލަން ހުރި ލުބާ ހީވަނީ ދެންމެދެންމެ ގޭތެރެއަށް ފިޔަވަޅެއް އަޅަން އުޅޭހެންނެވެ. އެކަމަކު އޭނަ ގޭގެވަށައިގެން ނަޒަރުހިންގާލުމަށްފަހު ކަރުއެލުވާލިއެވެ.

ހަވީރުވެގެން އައިވަގުތެވެ. ލައިބާ އެނދުގައި އޮވެގެން ރޮމުންދިޔައެވެ. އިރުއިރުކޮޅާ ބަނޑުގައި އަތްލައެވެ. ދަރިފުޅު ތޮޅިލާހެންވެސް އޭނައަށް ހީނުވާތީއެވެ. ބާލީހުގައި މޫނު ފޮރުވައިގެން އޮތްއިރު އޭނަގެ ކަންފަތުގައި ލުބާގެ އަޑުޖެހުނެވެ. އޭނަގެ ނަމުން ލުބާ ގޮވާކަން އެނގުނެވެ. އެކަމަކު ލައިބާ ނުކުންނާކަށް ގަސްތެއް ނުކުރިއެވެ. އަނެއްކޮޅުން ލުބާވެސް ހުއްޓާނުލާ ގޮވަމުންދިޔަވެ. އަދި ލައިބާގެ ބަނޑުގައިވާ ދަރިފުޅު ރަނގަޅުކަމުގައި ބުނަމުންދިޔައެވެ. ބަނޑުގައިވާ ކުއްޖާގެ ވާހަކަދެއްކުމުން ލައިބާ މަޑުމަޑުން ތެދުވިއެވެ. އަދި ލޯފޮހެލަމުން އެނދުގައި އިށިންވަގުތު ބަދިގެ ފަރާތަށް އައިސްދިނުމަށް ލުބާއެދުނެވެ. ދެހިޔާލުގައި އިނދެފަވެސް ލައިބާއަށް ނުގޮސް އިންނާކަށް ނުކެރުނެވެ. އޭނަ ބަދިގެ ފަރާތަށް ނުކުތެވެ. އެކަމަކު ދޮރުމަތީ މަޑުކޮއްލައިގެން ހުރީއެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ ލުބާ އަހަންނަށް އެހީތެރިވެދޭއިރުވެސް އަޒުރާ އާއި ކުރިމަތިލާން ބޭނުންނުވާ ސަބަބެއް، މިގެއަށްވެސް ވަންނަނީކީ ނޫން، މިގެއަށްވަދެއްޖެއްޔާ ދުވަހަކުވެސް ލުބާ ނުފެންނަންވީ ކީއްވެކަމެއްވެސް އަހަންނަކަށް ނޭގޭ، އަޒުރާ އަކަށް ނުކެރޭނެ ލުބާއަށް ގޮތެއް ހަދާކަށް، އޭނައަށް އޭރުން އެނގޭނެ ހުރިހާ ކަމެއް ބޭޒާރު ވެއްޖެކަން، މިއަދު އަހަރެންގެ ގާތުގައި ލުބާ ހުރުމަށް އަހަރެން ވަރަށް ބޭނުން، ދެން ކޮންމެ ވަގުތެއްގަވެސް އަހަރެން ވިހާފާނެ، އަހަރެން ބޭނުން ލުބާ ހުންނަން، މިހެން ސިއްރުސިއްރުން އުޅުނީމަ އެމީހުން ހީކުރަނީ އަހަރެން މޮޔަގޮވަނީކަމަށް” ލައިބާ ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ.

“އަޒުރާ ދައްކާ ވާހަކަތަ ނޫނީ އަހަރެން ލައި އާއި ދައްކާ ވާހަކަތަ ގަބޫލުކުރެވެނީ، އަޒުރާ ތެދެއް ހަދާނެތަ، އޭނަ އުޅެނީ ޔަޒާން ބޭނުންވެގެން، އެކަމަކު ޔަޒާން އުޅެނީ ލައިބާ ބޭނުންވެގެން، އެކަމުގެ ހުރިހާ ރުޅިއެއް އޭނަ އެދަނީ ލައިބާއަށް ބާލަމުން، ޔަޒާން ހީކުރީ މިއަދު އޭނަ އަށް އެކުރެވުނީ ވަރަށް މޮޅުކަމެކޭ، އަހަރެން ލައިބާ ގެންދާނަމޭ ބުނީމެއްނު، އަހަރެން އެމީހުންގެ ކައިރީ ލައިބާ ތިހާލުގަ އުޅެން ބަހައްޓާކަށް ނޫޅެމޭ….އަހަރެންވެސް ރުޅި އާދޭ، ދެރަވޭ، އެމީހުންގެ ހިތްތަށް އެވަނީ ހަރުވެ ހިލައަށްވެފަ، އަހަރެންވެސް ހިތަށްއަރާ ކޮންމެ ފަހަރަކު ތިގޭތެރެއަށް ވަދެވޭނަމަ މިހާރު ތިއަޒުރާއެއްވެސް ތިޔަޒާންއެއްވެސް ނުހުރީސް، އަހަންނަކީ ފިނޑިއެއްނޫން، އެކަމަކު އެމީހުންހާ ރަޙުމުކުޑަމީހެއްވެސް ނޫން، އަހަންނަށްވެސް ނުބައިވާން އެނގޭ….” ލުބާގެ އަޑުގައި ތަފާތުކަމެއް އެކުލެވިފައިވިއެވެ.

“އެނގޭ އަޒުރާ ދޮގު ހަދާނެކަންވެސް، އޭނަ އަހަންނަށް ހެވެއް ނޭދޭކަންވެސް، ޔަޒާން އަހަރެންނާ ދުރަށް ނުދާނެކަންވެސް، އެކަމަކު ލުބާ، އަހަރެން ކައިރީ ތެދަށް ބުނެބަލަ، އަހަންނާ ލުބާޔާ މިހާ ވައްތަރުވާންޖެހޭ އެންމެ ސަބަބެއް އަހަރެންގެ ވިސްނުމަށް އައީ، އެހެންވެ އަޒުރާ އާއި ދިމާލަށް އެހުރިހާ އެއްޗެއް ކިޔުނީ، އަހަންނަށް މިހާރު ހަގީގަތް އޮޅިއްޖެ، ލުބާ އުޅޭ ގެއެއް، ލުބާގެ އާއިލާއެއް އަހަންނަށް އަދިވެސް އެނގެނީކީ ނޫން، އެވާހަކަ ފަށާއިރަށް ކޮންމެވެސް އެހެން ވާހަކައެއް ފަށާނެ، ހެޔޮނުވާނެ އަހަރެންނާއިމެދު އަޅާލާ ހަމައެކަނި މީހަކީ ލުބާ، އެހެންވެގެން އަހަރެން ލުބާގެ ހުރިހާ ކަމެއް އެނގެން ބޭނުންވަނީ، ކަމެއް ޖެހުނަސް އަހަރެން މިހާރު މިޖެހެނީ މަޑުކޮއްލައިގެން ހުންނަން، ލުބާ އަންނާނެ އިރަކަށް” ލައިބާ ހަގީގަތް އެނގެން ބޭނުންވެފައި ހުރިވަރު ލުބާއަށް ހާމަކުރިއެވެ.

“އަހަރެން ލައިއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާނަމޭ، ހުރިހާ ވާހަކައެއް ކިޔާދޭނަން، އެކަމަކު އެހަށް އަހަންނަށް ކަމެއްކޮއްދީ…” ލުބާ އަވަސް އަރުވާލާފައި ބުނެލިއެވެ.

“ކޮންކަމެއް” ލައިބާގެ ކެތްތެރިކަން ކުޑަވެގެންދިޔައެވެ.

“މިރޭ ޔަޒާން ނިދުމުން އޭނަގެ ކަރުގައި އަޅާފައިވާ ތަވީދު ނަގާ، ލައިބާގެ އަތުގަ ފޮރުވާފަ ބާއްވާ، އަދި މެންދުރު ކައްކަން ބަދިގެއަށްވަދެފަ އުނދުނަށް ލާ އަންދާލާ، އެކަކު ކައިރީވެސް އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް، ޔަޒާންއަށް އެނގޭނެ އޭރުން މިދުނިޔެ މަތީ އޭނަ ނޫނަސް ބާރުހުރި މީހުން އެބައުޅޭކަން….ލައި، ބުނެބަލަ، މިކަން ކޮއްދޭނަންތަ؟” ލުބާ ލައިބާގެ ގާތަށް ޖެހިލަމުން އޭނަގެ މޫނަށް ބަލާލިއެވެ.

“އޭރުން އަޒުރާ ކުރިންވެސް ގެއަށް އައި މުސްކުޅި މީހާލައްވާ އެކަހަލަ ތަވީދެއް ހަދުވާނެ، އެނެގުމުގެ ބޭނުމެއްނެތެއްނު” ލައިބާ ވިސްނާލަމުން ބުނެލިއެވެ.

“މިހާރު އެއޮތްތަވީދު ނަގާބަލަ، އަލިފުތާއަކަށް އެހެނެއްނާދެވޭނެ ދެނެއް މިގެއަކަށް، އޭނަގެ ދަރިއުޅެނީ ވަރަށް ބަލިވެ، ކުރިން ދުވަހު މަހަށް ގޮސް އުޅެނިކޮށް އޮޑިންވެއްޓިގެން އުޅެނީ، އެކަމުގަ އޭނަ އެއުޅެނީ ނޭވާ ނުލާ، އަޒުރާ ބުންޏަސް އޭނަ ހިޔެއްނުވޭ މިފަހަރު އަންނާނެ ހެނެއް، އަހަރެން ބުނިގޮތަށް ކަންތައް ކުރައްޗޭ….އަދި ބުނަން ލައިބާ ސިއްހަތު ރަނގަޅު ފިރިހެން ދަރިއަކު ވިހާނެ، ހީކުރަން މިދެވުނީ އުފާވެރި ހަބަރެއްކަމަށް” ލުބާ ހިނިތުންވެލަމުން ލައިބާގެ މޭދަށުން ތިރިއަށްވާގޮތަށް ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ. ލައިބާގެ މޫނުމަތި ކުއްލިއަކަށް ބަދަލުވިއެވެ. ލިބުނު ހުރިހާ ވޭނާ ހިތްދަތިކަން ފިލައިގެންދިޔަފަދައެވެ. އަވަސް އަވަހަށް ލުބާ ބުނިކަންތައްތައް ކޮއްދޭނަން ކަމުގައި އެއްބަސްވިއެވެ. ފެންކަޅިވެފައިވާ ދެލޯ ފޮހެލަމުން ލުބާގެ ގައިގާ އޮޅުލައިގަތެވެ. ލޯތްބާ ކުލުނާއެކު އޯގާތެރި ފިރުމާލުމަކުން ލުބާ ލައިބާގެ ބޮލުގައި ފިރުމާލިއެވެ.

އިރުއޮއްސި އަނދިރިވެ ގޭތެރޭގެ ހަލަބޮލިކަން ފެށުނުކަންވެސް ލައިބާއަށް އެނގުނެވެ. އޭނަގެ ކަންފަތުގައި ލުބާގެ ވާހަކަތައް ހަރުލާފައިހުއްޓެވެ. ހަދަންވީގޮތެއް އަމިއްލަ ސިކުނޑީގެ ތެރޭ ރާވާލަމުންދިޔައެވެ. ޔަޒާން ނިދާނެ އިރަކަށް އޭނަ އިންތިޒާރު ކުރަމުންދިޔައެވެ.

ކުޑަވަގުތުކޮޅަކަށްވިޔަސް ލައިބާއަށް ނިދުނީއެވެ. ހޭލެވުމާއިއެކު ލުބާ އޭނަ ކުރުމަށް ހަވާލުކުރި ކަންތައްމަތިން ހަނދާންވިއެވެ. އެހެންވެ ލައިބާ މަޑުމަޑުން ތެދުވެގެންގޮސް މޭޒުމަތީ ހުރި ގަޑިއަށްއަށް ބަލާލިއެވެ. ފަތިސްވާން ގާތްވެއްޖެއެވެ. ގިނައިރެއްނުވެ ދުނިޔެމައްޗަށް އަލިވެދާނެއެވެ. އެހެންނަމަވެސް ޔަޒާން އެކޮޓަރިއަކަށް ނުވަނެވެ. ލައިބާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. ބޮޑުއަށިމަތީގައި އަޝްހަރުއޮތެވެ. އޭނަގެ އަތުގެތެރޭގައި ބިއްދޮށަށް އެނބުރި އޮތީ ކޮންއަންހެނެއްކަމެއް ލައިބާއަކަށް ނޭގެއެވެ. އޭނަ މަޑުމަޑުން އަޑެއްނުނިކުންނާނޭ ފަދަ ގޮތަކަށް ފިޔަވަޅު އަޅަމުން އަޒުރާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަޒުރާގެ ކޮޓަރީގެ ދޮރުގައިވާ ތަޅުގައި ލައިބާ ހިފީ ދެއަތުންނެވެ. އަދި މަޑުމަޑުން ތަޅުއަނބުރާލެވޭތޯ އުޅުނެވެ. ދޮރު ހުރީ ތަޅުނުލައެވެ. ލައިބާ ކިރިޔަ ކިރިޔާ އޭނަގެ ލޮލަށް އެކޮޓަރިތެރެ ފެންނަ ގޮތަށް ހުޅުވާލިއެވެ. އެހެނީ ހޭލާ މީހަކު އުޅޭނަމަ ދޮރުހުޅުވާކަން ފާހަގަވިޔަ ނުދިނުމައްޓަކައެވެ.

ހަގީގަތް އެނގޭއިރުވެސް ލައިބާއަށް އެކޮޓަރީގެ ހާލަތު ފެނި މޫނު އަނބުރާލެވުނެވެ. އެކޮޓަރީގައި އަޒުރާ އާއިއެކު އިތުރު ދެއަންހެނުން އޮތެވެ. ޔަޒާން އޮތީ އެނދުގެ މަގަތުގައި އަޒުރާ އާއި ޖެހިގެންނެވެ. އެދިމާލަށް ބަލާލަން ނުކެރުނީ އެއިން އެއްވެސް މީހެއްގެ ހަށިގަނޑުގައި ނިވާކަމެއް ނެތުމުގެ ސަބަބުންނެވެ. ލައިބާ މަޑުމަޑުން ދޮރުލެއްޕިއެވެ. އަދި އޭނަގެ ކޮޓަރިއަށް އެނބުރިދިޔައެވެ. ލުބާ ދެއްކި ވާހަކަތައް ހަނދާންހުއްޓެއް ކަމަކު އޭނައަކަށް އެކަން ކުރާނެ ފުރުޞަތެއް ނުލިބުނެވެ.

ހެނދުނު ދިހައެއް ޖެހިފަހުން ޔަޒާން ނިދި މޫނާއެކު ތެދުވެގެން އައިސް ކޮޓަރިއަށްވަނެވެ.  އޭރު ލައިބާ ހުރީ އެއްޗެހި ފަތްޖަހަންށެވެ. ޔަޒާން އެކަމާ ފަރުވާލެއް ނުބަހައްޓާ އަނެއްކާވެސް އޭނަގެ އެނދުމައްޗަށް ބަނޑުން ވެއްޓިގަންނަމުން އުޅުނީ ނިދޭތޯއެވެ. ލައިބާ ޔަޒާންއަށް ބަލަހައްޓައިގެން ހުރީ ދެން ހަދާނީ ކިހިނެތްކަން ނޭގިފައެވެ. ނަމަވެސް އޭނަގެ ސިކުނޑިއަށް ހަނދަންވީގޮތް އެނގިގެންދިޔައެވެ. ލައިބާ ފަތްޖަހަން ހުރި އެއްޗެހި ބަހައްޓާފައި ދިޔައީ ބަދިގެ ފަރާތަށެވެ. ލައިބާހުރީ ހާސްވާގޮތްވެ އަތްފައިފިނިވެފައެވެ. އޭނަ ބަދިގެއަށްވަދެ ސަމްސަލާ ވަޅިއާއި އެއްޗެހި ޖަހާފައިވާއެތިން ތުނޑު ހިމަ ވަޅިއެއްނެގިއެވެ. އަދި ފުނޑާދައިގެ އެއްފަރާތުގައި ވަޅީގެ މިޔަ ހާކާލަމުން ކޮޅުން ތޫނުކޮއްލެވޭތޯ އުޅުނެވެ. އެކަން އެގޮތަށް ކުރާތަން އޭނަ ދެކެނީ ހައްވަދައިތަ ބަދިގޭގައި ކައްކަން އުޅޭއިރުއެވެ. ދޭތެރެއަކުން ވަޅި ކޮށިވެއްޖެއޭ ކިޔާފައި އައިސް ފުނޑާދާގައި ވަޅީގެ މިޔަ ހާކާލާފައި ހިތްހަމަޖެހޭވަރު ވުމުން ދާނެއެވެ. ލައިބާ ތެދިންފަހަރު ދާގައި ވަޅީގެ މިޔަ ހާކާލުމަށްފަހު އިނގިލި ކުރިން އަތްލިއެވެ.  އަމިއްލަ ހިތް ރަނގަޅުވާނެ ކަމުގައި ބުނުމުން ވަޅި ހިފައިގެން އޭނަ އަނެއްކާވެސް ވަނީ އެތެރެގޭތެރެއަށެވެ.

ހެދުމާއި ވަޅި އާއި އެއްކޮލައިގެން ހުރެ އަވަސް އަވަހަށް އައިސް ލައިބާ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. އަދި ތަޅުލުމަށްފަހު އަތުގައި އޮތް ވަޅިއަށް ބަލާލިއެވެ. ލައިބާ ޔަޒާންގެ ގާތަށް މަޑުމަޑުން ހިނގަމުންދިޔައެއްކަމަކު އޭނަހުރީ ވަރަށް ބިރުންނެވެ. ޔަޒާންއަށް ހޭލެވިދާނެތީއެވެ. އޭނައަށް ހޭލެވި ލައިބާގެ އަތުގައި ވަޅިއޮއްވައި ފެނިއްޖެނަމަ ކަންތައްތައް މުޅިން ގޯހުން ގޯހަށް ދާނެކަން ޔަގީންވާތީއެވެ. ލައިބާ އޭނަގެ ދިގުހެދުން ފޫގަޅާލާ އުސޫލުން ދެފައިދޭތެރެއަށް ކުރިމަތީބައި ލައްވާލަމުން ބުރުގާ ބޭލިއެވެ. އެއީ އޭގެ ކަންގަނޑުން ޔަޒާންގެ ގައިގާ ޖެހުނަނުދިނުމަށެވެ. އޭނަ ޔަޒާންއާއި ކުރިއަށްވުރެ ބޮޑަށް ގާތްވެލާފައި އޭނަގެ ކަނދުރާ އާއި ދިމާލަށް ގުދުވެބަލަންފެށިއެވެ. ކަޅުކުލައިގެ ފަށެކެވެ. އެފަށުގައިވާ ބަޑީގެ ތެރޭގައިކަން ތަވީދުވީ ލައިބާއަށް އެނގެއެވެ. އޭނަބެލީ ޔަޒާންއަށް ނޭގި ފަށަށް ދަމާލެވޭނޭގޮތެއް ވޭތޯއެވެ. ކުއްލިއަކަށް ޔަޒާން ބޯއަނބުރާލުމާއިއެކު ލައިބާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތްވަޅި ފުރަގަހަށްލާ ފޮރުވުނެވެ. އެހެންނަމަވެސް ޔަޒާންއެއް ނުހޭލައެވެ. އޭނަ ޖެހުނީ އުއްޑުންނެވެ. ލައިބާއަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި އަނެއްކާވެސް ޔަޒާން އާއި ގާތްވެލަމުން ކަރުގައި އޮތް ކަޅުފަށުގައި ހިފިއެވެ. ޔަޒާން އުއްޑުން ޖެހުމާއިއެކު ލައިބާ ކުރަން އުޅުނު ކަންތައް އެތައްގުނައެއް ފަސޭހަވެގެން ދިޔައެވެ. އަވަސް އަވަހަށް ވަޅީގެ ތުނޑު ފަށުގައި އަޅުވާލާފައި މަޑުމަޑުން ދެކޮޅަށް ކާތާލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ ޔަޒާންގެ ކަރުގައި އޮތް ފަށް ކަނޑައިގެން ގޮއްސިއެވެ. އޭގެ އެއްފަރާތް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްބައި އޮތީ ބަޑިއާއިއެކު ޔަޒާންގެ މޭމައްޗަށް ވާގޮތަށް ކަރުގައި އެޅިފައެވެ. ލައިބާ މަޑުމަޑުން ބަޑީގައި ހިފާ ދަމާލިއެވެ. އެއާއިއެކު ފަށުގެ ތެރެއިން ލައިބާގެ އަތަށް ބަޑިއައެވެ. އެވަގުތު ޔަޒާން ކުޑަކޮށް ތެޅިލިއެވެ. ލައިބާގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ބޭރަށް ލާލާ ހުރި ނޭވާވެސް އޭނަ ހިފަހައްޓާލި ކަހަލައެވެ. ޔަޒާން ނިދީގެ ތެރެއިން ކޮންމެވެސް އެއްޗެކޭ ބުނެލާފައި އަނެއްކާވެސް ފުރޮޅިލީއެވެ. ލައިބާ ވަގުތުގެ ބޭނުންހިފުމުގެ ގޮތުން އެނދުމައްޗަށް ވެއްޓިފައި އޮތް ފަށުގެ ކޮޅު މަޑުމަޑުން ދަމައިގަތެވެ. އެއާއިއެކު ފައްވެސް ލައިބާގެ އަތަށް އަތުވެއްޖެއެވެ. އޭނަ އަވަސް އަވަހަށް ކުރިން ނެގި ބުރުގާ ހެޔޮވަރުކޮއްލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.

އަވަސް ފިޔަވަޅުގައި އައިސް ބަދިގެއަށްވަތް ލައިބާ އެންމެ ފުރަތަމަވެސް އުޅުނީ އުނދުން ރޯކުރުމަށެވެ. އުނދުނުގެ ހުޅުގަނޑު ފެނުމާއިއެކު ބޮޑުކޮއްލިއެވެ. އަދި އަތުގައި އޮތް ފަށާއި ބަޑި އުނދުނުގެ ތެރެއަށް ލިއެވެ. ގިނައިރެއްނުވެ ފަށްއަނދައިގެން ދިޔައެވެ. ބަދިގެ ތެރެއިން ތަފާތު ވަހެއް ދުވަންފެށީ ލޮއެގެ ބަޑިވިރެން ފެށުމުންނެވެ. އެހުރިހާ އިރު ލައިބާ ހުރީ އެއަށް ވާގޮތެއް ބަލާށެވެ. އޭތިވިރެމުންގޮސް ދިޔާވިއެވެ. އަދި އުނދުނުގެ މެދުގައި ހަރުލާފައި ހުއްޓެވެ. އެކަމަކު އެއީ ކޮންކަހަލަ އެއްޗެއްކަމެއް އެނގޭވަރެއްނުވެއެވެ.

މެންދުރު ކައްކަން އޭނަ އުޅުނީ ދެނެވެ. ހުރިހާ ކަމަކުން އަވަދިވެގެން ބަދިގެއިން ނުކުތްއިރު ރަޒިއްޔާ މެންގެއާއި ވީ ފަރާތުގެ ފާރުބުރިމަތީ ލުބާ އިށީނދެލައިގެން އިނެވެ. ހިނިއައިސްފައިވާ ވަރުން އޭނަގެ ދަތްތައްވެސް ފެންނަމުންދިޔައެވެ.

“އަހަރެން ލުބާ….” ލައިބާ ލުބާ ފެނުމާއިއެކު ބުނަން އުޅުނެވެ.

“ހޫމް، އަހަންނަށް އެނގޭ، ދެންމެއެއްނު ތިއަންދާލީ، އަހަރެން ލައިއަށް ނުގޮވަން މިއިނީ ހުރިހާ ކަމެއް ނިމެންދެން” ލުބާ ހިނިއައިސްފައި ބުނެލިއެވެ.

“ދެން އަހަރެން ކިހިނެތް ހަދަންވީ” ލައިބާ އަހާލިއެވެ.

“އަދި އެއްކަންތައް ކޮއްދީ، ބުނޭ ޔަޒާން ކައިރީ އޭނަ ހޯދަން އަޔޭ އަންހެން ކުއްޖެއް، ބުންޏޭ އޭނައަށް ކުރިކަމެއްގެ ބަދަލު ދޭން ބޭނުންވެޔޭ، ދެން އޭނަ ކިހިނެތް ހުރި އަންހެން ކުއްޖެއްހޭ އަހައިފިއްޔާ ބުނޭ، މީގެކުރިން ނުދެކޭހާ ރީތި ކުއްޖެއް ކަމަށް، ކޮންމެހެންވެސް ޔަޒާން އާއި ބައްދަލު ކުރަން ބޭނުންވެޔޭ، އަދި ބުނާތި އެއަންހެން ކުއްޖާ ބުންޏޭ އިރުއޮއްސޭން ވާއިރަށް އަތިރިމަތީ ޖޯއްޔަށް އަންނާށެ، އެތަނުގަ އެއަންހެން ކުއްޖާ އިންނާނަމެ ބުންޏޭވެސް ބުނާތި” ލުބާ ބުނެލިއެވެ.

“ލުބާ، ކިހިނެތްވާންތަ މިއުޅެނީ، އަހަރެން ވަރަށް ބިރުގަންނަ ކަހަލަ ގޮތްތަކެއްވަނީ، އަނެއްކާ ލުބާ ތިއުޅެނީ ކީއްކުރަން” ލައިބާއަށް ވާނުވާ ނޭގޭހާލު ބުނެލިއެވެ.

“ލައި ކޮންކަމާ ހާސްވަނީ، އެމީހުންނާއިމެދު ވިސްނާނެކަމެއްނެތް، މިހާރު ލައި ވިސްނަންވީ ލިބެން އުޅޭ ކުއްޖާ އާއި ދެތެރޭ، އެމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާކަށް ބޭނުމެއްނޫންތަ؟” ލުބާ ބުނެލިއެވެ.

“ބޭނުން، އެކަމަކު ހިތަށް އަރަނީ އަނިޔާވެރިވާ މީހުންގެ ކިބައިން ސަލާމަތްވެވެން އޮތީ އެމީހުންގެ މައްޗަށްވެސް އަނިޔާވެރި ވެގެންބާއޭ، އެހެންކަމުގަ ވާނަމަ މައްސަލައެއްނެތް، އަހަރެން އެގޮތުންވެސް އެމީހުންގެ ކައިރިން ސަލާތްވާން ބޭނުން” ލައިބާ ބުނެލިއެވެ.

“ދެރަނުވޭ، އަދި ސަލާމަތްވާނެ، ލައިގެ ހިތްވަރުގަދަކަން އަހަރެން ދެކުނިން، ވީއިރު އަދި ސަލާމަތްވާނެ، ކެތްކޮއްލާ، މިއަދު އަހަރެން މިހިރީ ލައި މިނިވަންކުރަން، އެހެންމީހުން ފަދައިން ލައިއަށްވެސް މިނިވަންކަމާއިއެކު އުޅުމުގެ ހައްގު އަހަރެން ހޯދަދޭން ބޭނުން، އަހަރެންނަށް މިއަދު ދެން ހިޔެއްނުވޭ އާދެވޭނެ ހެނެއް، އެކަމަކު ބުނަން، އަޒުރާ އެއްވެސް އެއްޗެކޭ ކިޔަސް އަޅާލާނެ ކަމެއްނެތް، އެއްޗެއް ބުނާނެކަމެއްވެސް ނެތް” ލުބާ ލައިބާގެ ކައިރިއަށް އައިސް އޭނަގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ. ލައިބާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ލުބާ ބަލަންހުއްޓައި އޭނަ ގޮސް ގޭތެރެއަށްވަނެވެ.

ޔަޒާން ބޮޑުއަށިމަތީ އިނީ ފިކުރެއްގެ ތެރޭއެވެ. ދޭތެރެއަކުން ކަރުގައި އަތްލައެވެ. އެހެނީ އިރުއިރުކޮޅާ ކަރުގައި އޮތްތޯ ބަލަބަލާ ހުރި ފަށްކަރުގައި ނެތުމުންނެވެ. އޭނަ ހަނދާން ކުރަމުން އެދަނީ ރޭގައި ހިނގި ކަންތައްތަކާއިމެދުއެވެ. އެހެންނަމަވެސް އޭނަ ތަވީދު ނެގި ހަނދާނެއްނުވެއެވެ. އޭނަ ނޫން މީހަކުވެސް އޭނަގެ ކަރުގައި އޮތް ތަވީދަކު އަތެއްނުލައެވެ. ދެން ވީއިރު އޭނަގެ ތަވީދަށްވީ ކިހިނެތްހެއްޔެވެ.

“އޭ މަށަށް ކާން ހަދާބަލަ” ފެންވަރައިގެން ރީތިވެގެން ނުކުތް ލައިބާ ފެނުމާއެކު ޔަޒާން ބުނެލިއެވެ.

ލައިބާ އޭނަގެ ތެމިފައިވާ ތުވާލި ހިފައިގެން ބަދިގެ ފަރާތަށް ނުކުތެވެ. އަދި ރޯނުގައި ތުވާލި އަޅާލަމުން ކާންހަދަން އުޅުނެވެ. ލައިބާގެ ފަހަތުން އައި ޔަޒާން ބަދިގެއަށްވަދެ ކާމޭޒު ކައިރީ އިށީނދެލައިގެން އިނެވެ. ލައިބާ ޔަޒާންއަށް ކާންހަދާފައި ނުކުންނަމުން ލުބާ ބުނި ގޮތަށް ޔަޒާން ކައިރީ ބުނެލިއެވެ.

” ހަމަ އަހަރެން ހޯދަންތަ އައީ، ނުވާނެ…ތީ ދޮގެއް” ޔަޒާންއަށް ލައިބާ ދެއްކި ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ.

“މަށަށްވަރިހަމަ، އޭނަ ބުނީ މިހެން ބުނާށޭ ޔަޒާން ކައިރީ، އަހަންނަށް ބުނެވިއްޖެ އެއްނު” ލައިބާ ދާން ހިނގައިގަތެވެ.

“އެހަށް މަޑުކޮއްބަލަ، ކިހިނެތްހުރި ކުއްޖެއްތަ އައީ؟ ވަރަށް ރީތިތަ” ޔަޒާން ކާންފަށަން އުޅެފަވެސް ލައިބާ ދެއްކި ވާހަކައަކުން އެކަމާ ގަޔާވެވޭގޮތްވެއްޖެއެވެ.

“މިރަށުން އަދި ނުދެކެން އެހާ ރީތި ކުއްޖެއް، ވަރަށް ރީތި” ލައިބާ މަޑުމަޑުން ޔަޒާންއަށް ބަލާލަމުން ބުނެލިއެވެ.

“އިރުއޮއްސުމުގެ ކުރިން އަތިރިމަތީ ޖޯއްޔަށް އަންނާށޭތަ ބުނީ” ޔަޒާން އަނެއްކާވެސް ޔަގީންކޮއްލާ ފަދަ ގޮތަކަށް އަހާލިއެވެ.

“ހޫމް” ލައިބާ އާއެކޭ ބުނުމުގެ ގޮތުން ހޫން ލައްވާލިއެވެ. އަދި އިތުރަށް މަޑުކުރުމެއްނެތި ގޭތެރެއަށް ވަނުމަށް ދިޔައެވެ.

ލައިބާދެއްކި ވާހަކައަކުން ޔަޒާންއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އޭނަ ވިސްނަމުންދިޔައީ ލައިބާ އެބުނި އަންހެން ކުއްޖާ އާއި ދޭތެރޭއެވެ. ކިހިނެތް ކޮން ސިފައެއްގައި ހުރި ކުއްޖެއްކަން ނޭގުނަސް ރީތި ކުއްޖެއްކަން އެނގޭތީ އާއިއެކު ބައްދަލުކޮއްލުމުގެ ޝައުގުވެރިކަން އިތުރުވަމުންދިޔައެވެ. އެހެނަސް އޭނަ އެއިން އެއްވެސް ކަމެއް ފާޅެއްނުކުރެއެވެ. ޙާއްޞަކޮށް ލައިބާ އާއި އަޒުރާއަށް އެފަދަ އަންހެން ކުއްޖަކު ނުދަންނަކަންވެސް އަންގަން ބޭނުންނުވަނީއެވެ.

މެންދުރު ފެންވަރައިގެން ނުކުތީއްސުރެ ލައިބާގެ ބަނޑުގެ ތަންކޮޅެއްގައި ރިހުން އެކުލެވިފައި ހުއްޓެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދެވުނީ އުނދަގޫވާވަރަށް ނުރިއްސާތީއެވެ. އަޒުރާ ގޭތެރޭގައި އުޅެމުންދިޔައިރު ދޭތެރެ ދޭތެރެއިން ލައިބާއަށް ކޮންމެވެސް އެއްޗެއް ބުނެލައެވެ. އޭނަ ނުކުމެގެން ދިޔައީ ހަވީރު ފިނިޖެހިލިފަހުންނެވެ. ނަމަވެސް ޔަޒާން އެއަށްވުރެ ކުރިން ގޭން ނުކުމެގެން ހިގައްޖެއެވެ. ލައިބާއަށް ޔަޒާންގެ އެހަރަކާތުން ހައިރާންކަން ވެރިވެގެން ދިޔައެވެ. އެހެނީ ލުބާ ބުނިގޮތަށް ބުނުމުންވެސް އޭނަ ސަމާލުކަން އެކަމަކަށް ހޯދުނުހެން ލައިބާއަށް ހީނުވެގެންނެވެ. ޔަޒާން ހިނގައިގަތީ ރަށުތެރެއާއި ވީކޮޅަށެވެ. ލައިބާ ގޭގެ ދޮރުމަތީ މަޑުކޮއްލައިގެން ހުރިއިރު އޭނަގެ ހިތް އެދެމުންދިޔައީ ބަނބުކެޔޮ ގަހުގައި އެލުވައިފައި އިން އުނދޯއްޔަށް އަރާ އެއްފަހަރުނަމަވެސް ހެއްލާލުމަށެވެ. އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމަކަށްވީތީއެވެ. އެންމެ ކުޑައިރުއްސުރެ އެއުނދޯއްޔަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ދުވަސްވީ ހަޔާތުގެ ބައިވެރިޔާވެސް މެއެވެ. ލައިބާ އޭނަ ހަނދާންހުންނަންފެށީއްސުރެ މިއަދާއި ހަމައަށް އާދެވުނު ގޮތާއިމެދު ވިސްނާލިއެވެ. މަރުވާން އެތަށް ފަހަރަކު ހިތަށް އެރިކަމުގައިވިޔަސް އެކަންވެސް އޭނައަކަށް ކުރާކަށް ނުކެރުނެވެ. ދެން ދިމާވީ ލުބާއެވެ. އަމިއްލަ ސޫރަ ކުރިމަތިން ފެންނަންފެށީއެވެ. ލައިބާގެ ހަޔާތަށް އޭނައައީ ކީއްވެކަމެއް އަދިވެސް ނޭގެއެވެ. އޭނަ އާއި ބެހޭ އެއްވެސް ކަމެއް ލައިބާއަށް އޮޅުމެއްނުފިލައެވެ. އެހެންނަމަވެސް އޭނަގެ ބަހަށް އިތުބާރު ކުރެވެނީ ކީއްވެކަމެއްވެސް ނޭގެއެވެ. ދެން އުމުރުގެ މިހިސާބަށް އާދެވުނުއިރު ލައިބާގެ ހިތުގައި ލޯބީގެ އޮއެވަރެއް އުފެއްދި ފަރާތެއްވެސް ވެއެވެ. އެކަމަކު އެފަރާތަކީ ވަގުތީ މެހެމާނެއްކަމުގައި ވެނިމުނީއެވެ. ލުބާ ބުންޏެއްކަމަކު ދެން ދުވަހަކުވެސް އަބިޔާލް ފެންނާނެ ކަމުގެ އުއްމީދެއް ލައިބާ ނުކުރެއެވެ. އެހެންނަމަވެސް…އެހިތުން އަބިޔާލްގެ ހަނދާންތަކެއް، އަދި އެސޫރައެއްވެސް ފިލައިގެން ނުދާނެއެވެ. ވިސްނަމުންދިޔަވަރަކަށް ލައިބާއަށް އަބިޔާލް އާއި ލުބާގެ އެއްގޮތް ކަމެއް ހުރިކަން ފާހަގަކުރެވިގެންދިޔައެވެ. އެކަމަކު އެހެންވެދާނެ ކަމަކަށް ލައިބާގެ ބުއްދިގަބޫލެއް ނުކުރެއެވެ.

ބޮޑުކަމެއް ވާން އުޅޭކަމުގެ އިންޒާރު ލައިބާގެ ހަވަނަ ޙިއްޞު ބުނަމުންދާކަހަލައެވެ. އެހެންނަމަވެސް އޭގެ ފުރިހަމަ މާނައެއް ލައިބާއަކަށް ނަގައިގަންނާކަށް ނޭގެއެވެ. އެހެންވެ ވަކި ކުރެވޭނެ އިތުރުކަމެއްވެސް ނެތުމާއިއެކު އޭނަ ދިޔައީ އެވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އަނެއްކޮޅުން އޭނަގެ މިހާރުގެ އެންމެ ބޮޑު އެދުމަކީ ބަނޑުގައިވާ ދަރިފުޅު އުފަންވާއިރު އޭނަގެ ގާތުގައި ލުބާ ހުރުމެވެ. އެދަރިފުޅުގެ މޫނު އޭނައަށް އެންމެ ފުރަތަމަ ފެންނަ ހިނދު ލުބާއަށްވެސް އެދަރިފުޅުގެ މޫނު ފެނުމެވެ. އެހެނީ މިދުނިޔައަށް އެކުއްޖާ އުފަންކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކޮއްދީފައިވަނީ ލުބާ ކަމުގައި ވީތީއެވެ.

“އަޒޫ، ލައި ކޮންމެ ވަގުތަކުވެސް ވިހާފާނެ، އޭނައަށް ތަންކޮޅެއް ރަނގަޅަށް ބަލައްޗޭ، ބަނޑުގަ ރިއްސިއަސް ހުރެދާނެ ނުބުނަންވެސް، ގޭގަ ވިއްސަން އުޅޭއިރު، މިކަން ސީރިއަސްވެއްޖެޔާ ބޮޑުކަންތައްގަނޑަކަށް ވެގެން ހިނގައިދާނެ، އޭނަ މިހިސާބަށް އެއަންނަނީ އެއްވެސް ޑޮކްޓަރީ ފަރުވާއަކާއި ނުލާ، އެކަމަކު އޭނައެކޭ ދުޅަހެޔޮ ސިއްޙަތެއްގައި އިން މަޔެކޭ އެއްވަރު، އަހަރެން މިފަދަ ކަމެއް ދުވަހަކުވެސް ނުދެކެން، އެކުއްޖާގެ ބައްޕަ އާއި ލައިބާ އާއި އަދިވެސް ބައްދަލު ކުރޭހެން އަހަންނަށް ހީވަނީ، އޭނަ ލައިބާ އާއި ކޮންމެވެސް ވަގުތަކު ބައްދަލު ކުރަން އާދޭ، އަޅެ އަޒޫ ބަލަންވެއްޖެ އެއްނު މިހާރު” ނަދީމާ ކަންބޮޑުވުމާއިއެކު ބުނެލިއެވެ.

“ނަދީ، ވަގުން ވައްކަން ކުރާއިރު އަހަރުމެންނަށް އެނގޭތަ އެމީހުން ވައްކަން ކުރާނީ ކޮންއިރަކުކަން ނޫނީ ވަގަށް ގެންދާނީ ކޮންއެއްޗެއް ކަމެއް، ދެން އެކަމާ ވިސްނާފަ އަހަރެންވީ ދޮރުފާރަވެރިއަކަށް ވާންތަ، އަހަންނަށްވެސް އެނގޭ ލައިބާ އޭނަގެ ބަނޑުގައި އެއޮތް ކުއްޖާގެ ބައްޕަ އާއިއެކު އޮންނަ ގުޅުން އަދިވެސް ކުރިއަށްކަން ދަނީ، އެކަމަކު އެހެންނޭ ކިޔާފަ އަހަންނަށްވެސް އަބަދަކު އޭނަގެ ފޫބުޑުން ނުދުވެވޭނެދޯ، އަހަރެންވެސް ކުރާނެ ކަންތައް ހުރޭ” އަޒުރާ ނަދީމާމެންގޭ ޖޯލިފަތީގައި އޮވެބުނެލިއެވެ.

“ދެން މައްސަލައެއްނެތޭ، އަޒޫ ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ލައިބާ ބަނޑުގަ ރިއްސަފާނެ އިރަކަށް، އަހަންނަށް ވަގުތުން ގުޅާތި، ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ވަގުތުން އަންނާނަން، ތިއެއްނޫނޭ، އެނގޭތަ އެއްކަލަ އަލިފުތާބެގެ ދަރިއެއް އޮޑިންވެއްޓިގެން އުޅޭކަން، މީހުން ކިޔަނީ އާދައިގެ ކަމެއްނޫނޯ އެއީ…” ނަދީމާ އޭނައަށް ލިބިފައިވާ ހަބަރުތައް އަޒުރާ އާއި ހިއްސާކުރަންފެށިއެވެ.

އިރުއޮއްސެމުންދިޔަ ވަގުތެވެ. ޔަޒާން ދެހިޔާލެއްގައި ހުރެވެސް ހިނގަމުންދިޔައީ ބޮޑުމަގުން އަތިރިއާއި ދިމާލަށެވެ. ދުރުއްސުރެ އޭނަގެ ނަޒަރު އަމާޒުވެފައިވަނީ އޭނަ އާއި އޭނަގެ ކުރީގެ ރަޙުމަތްތެރިންނާއިއެކު ހަވީރުގަޑީގައި ގޮސްތިބޭ ޖޯލިފައްޗާއި ދިމާލަށެވެ. އޭރުވެސް އަތިރިމަތިން އަރައިގެން އަންނަ ދެޖިންސުގެ ޒުވާނުން ފެންނަމުންދިޔައެވެ. އެތަނުން އެކަކުވެސް ޖޯލިފަތީގައި އިށިންނާކަށް ނޫޅެއެވެ. ކުއްލިއަކަށް ލައިބާ އޭނައަށް އޮޅުވާލީބާއޭ ހިތަށްއެރިއެވެ. ވަގުތުން ރުޅިވެރިކަން ވެރިވާންފެށިއެވެ. ސިކުނޑީގައި ލައިބާއަށް ހަދާނެގޮތަކާއިމެދު އެކިއެކި ހިޔާލުތައް ކުރެވެމުންދިޔައެވެ. ޔަޒާން ހިނގަމުންގޮސް ޖޯލިފަތި ފަސްދީ އަތިރިމަތީ މޫދު ފެންނަ ހިސާބަށް ނުކުތެވެ. ފިލަމުންދިޔަ ރަތްވިލާތަކާއިއެކު ދުނިޔެމައްޗަށް އަދިރިކަންވެރިވަމުންދިޔައެވެ. ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން ވަށައިގެން ހޯދާލިއެވެ. އަތިރިމަތީގައި ތިބިބައެއްވެއްޖެޔާ މިސްރާބުޖަހަމުންދިޔައީ ދުނިޔެމައްޗަށް އަދިރިކަން ވެރިވެގަތުމުގެ ކުރިން ގޭދޮށަށް ދެވޭތޯއެވެ. ޔަޒާން އަތިރިމަތިން އަރައިގެން އެއްގަމަށް ދިޔަ ކޮންމެ އަންހެން ކުއްޖަކަށް ބަލަމުންދިޔައެވެ.

ކުއްލިއަކަށް ކަނދުރާއަށް ހީވީ މީހަކު ފުމެލިހެންނެވެ. ޔަޒާންގެ މުޅިހަށިގަނޑަށް ފިނިވެގެންދިޔައެވެ. ފަހަތަށް އެނބުރިބަލާލެވުނެވެ. އެކަކުވެސް ފެންނާކަށްނެތެވެ. އޭނަ އަވަސްވެގަތީ ގެއާއި ދިމާލަށް ދިއުމަށެވެ. ހިތާސިކުނޑިއަށް ނޭގޭ ބިރުވެރިކަމެއް ވަންނަމުންދިޔަ ވަރަކަށް ލައިބާދެކެ އަންނަމުންދިޔަ ރުޅި ދިޔައީ ގަދަވަމުންނެވެ. ދުރުދުރުގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ޔަޒާން ދިޔައިރު ލައިބާ ބުނި އަންހެން ކުއްޖާ ބައްދަލު ކުރަން ބުނި ޖޯލިފައްޗާއި ދިމާލަށް އަދިވެސް އެއްފަހަރު ބަލާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ނަމަވެސް ޖޯލިފަތި ފަސްދީ ޔަޒާންއަށް ދެތިންފިޔަޅު އެޅުނުތަނާހެން އަންހެން ކުއްޖެއްގެ ހީލުމުގެ އަޑުއިވިގެންދިޔައެވެ. އެއަޑާއިއެކު ޔަޒާންގެ ދެފައިގައި ހީވީ މީހަކު ހިފެހެއްޓިހެންނެވެ. މުޅި މީހާއަށް ހުއްޓުންއެރިއެއްކަމަކު ފަހަތަށް އެނބުރި ބަލާލާކަށް ޔަޒާން ގަސްދެއްނުކުރިއެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް އެއަޑު ޔަޒާންގެ ކަންފަތުގައި ޖެހުނެވެ.

“ދަނީތަ” ޔަޒާން އެނބުރި ބަލާލުމާއިއެކު ދުރުގައި ހުރި އަންހެން ކުއްޖާބުނެލިއެވެ. ޔަޒާން މަޑުމަޑުން އެއަންހެންކުއްޖާ އާއި ގާތަށް ހިނގަންފެށިއެވެ. އަތިރިމައްޗާ ދިމާލުގައި ހުއްޓިލައިގެން ހުރި ޔަޒާންއަށް އޭނަ ސިފަކުރަން އުނދަގޫވިއެވެ. އެކަމަކު އިސްކޮޅުން ދިގުވެފައި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާކަން ޔަޒާންއަށް ފެނުނެވެ. އޭނަގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމާއި ލައިބާ އާއިމެދު އޮތް ރުޅިވެރިކަންވެސް އޭނަ ހަނދާން ނެތުނުފަދައެވެ.

“ގަޑިކިޔާފަ، ނައީމަ ދެން ދާނީނު” ޔަޒާން އެއަންހެން ކުއްޖާގެ ގޮތް އޮޅުފިލުވުމަށް ޝައުގުވެރިވިއެވެ.

“މިއައީނު، ކުޑަކޮށް ލަސްވީ ދޯ، ހިނގާބަލަ މިދިމާ އަތިރިމަތީ ހިނގާލަން، ހިނގަމުންވެސް ވާހަކަދެއްކިދާނެ އެއްނު” އެއަންހެންކުއްޖާ އަރިއަކަށް އެނބުރިލަމުން ބުނެލިއެވެ. ހީވީ ޔަޒާންއަށް ތަންދެއްކީހެންނެވެ.

“އަހަރެންމީ ކާކުކަން އެނގޭތަ، އަހަންނާއިއެކު މިފަދަގަޑިއެއްގައި ދަނިކޮށް މީހަކަށް ފެނިދާނެތީ ބިރެއްނުގަނޭތަ، ކީއްވެ އަހަންނާ ބައްދަލުކުރަން ބޭނުންވަނީ، ކިހިނެތް އެނގުނީ އަހަރެން އުޅޭ ގެއަށް އަންނަން…..އަދި ނަމެއްވެސް ނުބުނަމެއްނު، އަހަންނަށް އެނގޭ އަހަރެންގެ ނަން އެނގޭކަން….އެކަމަކު…” ޔަޒާން އެއްފަހަރާ އެތަށް ސުވާލެއް ކުރަންފެށިއެވެ.

“އަހަންނާ ޔަޒާން އާއި ދިމާވެފަ ހުންނާނީ، ވަރަށް ކުރީއްސުރެ އަހަރެން ޔަޒާން ދެކެން، އަޅެ ހަނދާންކޮއްބަލަ، ޔަޒާންއަށް އެނގޭނެ އަހަންނަށް ކިޔާނަންވެސް” ޔަޒާން އައިސް އެއަންހެން ކުއްޖާގެ ދާދިގާތުގައި ހުއްޓިލުމުން ބުނެލިއެވެ.

ބޮލުންފެށިގެން ފަޔާއިހަމަޔަށް ޔަޒާން އެއަންހެން ކުއްޖާއަށް ނަޒަރު ހިންގާލިއެވެ. ލައިބާގެ ހަބަރުގައި އެއްވެސް އޮޅުމެއްނެތްކަން އޭނައަށް ޔަގީންވި ހިނދު އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެއަންހެން ކުއްޖާގެ ރީތިކަން ޔަޒާންގެ ހަށިގަނޑުގެ ވިންދުއަވަސް ކުރުވިއެވެ.

“ޖީޒާތަ” ޔަޒާން އަންހެންކުއްޖާގެ އުނަގަނޑުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ.

“ހޫމް…ހަނދާންވެއްޖެދޯ” އެއަންހެން ކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ.

ޔަޒާން ނަންހާމަކުރީ އޭނައަށް އެނގިގެނެއްނޫނެވެ. އެހެންނަމަވެސް އެއަންހެން ކުއްޖާގެ ނަމަކީ ޖީޒާކަން އެނގުނީތީ އޭނަގެ ސީދާކަމާއިމެދު ފޮނިވެލިއެވެ. ޔަޒާން އާއި ޖީޒާ ގާތްކަމާއިއެކު އަތިރިމަތީ ހިނގަމުންދިޔައީ އެކިވާހަކަތައް ދައްކަމުންނެވެ. ގިނަފަހަރަށް ވާހަކަދައްކަނީ ޔަޒާންއެވެ. ޖީޒާ އެއްޗެއް ބުނަނީ ޖަވާބުދިނުމުގެ ގޮތުންނެވެ. މަޑުމަޑުން ނަމަވެސް ޖީޒާ ޔަޒާން އާއި ވަރަށް ގަޔާވާކަން އެނގެމުންދިޔައެވެ. ޔަޒާން ހުރީ އެރީތިކަމުގެ ހިތްގައިމު ރަހަ ކަރުބުޑުގައި ލާނެއިރަކަށް ކެތްމަދުވެފައެވެ. ޖީޒާގެ ހަރަކާތްތައް ހުރިގޮތުން ޔަޒާންއަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. ޖީޒާ ޔަޒާންގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެއަށް ވަންނަން އުޅެންފެށުމުން އެކަން ޔަޒާންއަށް ކުއްލިއަކަށް މަނާކުރެވުނީ ކީއްވެކަމެއްނޭގެއެވެ. އެއާއިއެކު ދެންފެނުނީ ޖީޒާގެ ހާމަވަމުންދިޔަ ހަށިގަނޑެވެ. އެކަމަށް އޭނައަކަށް ނޫނެކޭ ނުބުނެވުނެވެ. ޖީޒާގެ ޖާދޫގައި ޖެހިފައިވާ މީހެއްފަދައިން ގަސްތަކުގެ ތެރެއަށްވަދެގެން ދިޔައެވެ. އިރުކޮޅަކުން ޖީޒާ ޔަޒާންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ދެވޭ ނުދެވޭ ދިމާލެއްނޭގި ޔަޒާންވެސް ދުވަމުންދިޔައެވެ.

އަނދިރިއަށް ލޯހޭނުމަށް ކުޑަހިނދުކޮޅެއްނެގިއެވެ. ޖީޒާ ހުއްޓުމާއިއެކު ޔަޒާންވެސް ހުއްޓި ވަށައިގެން ބަލާލިއެވެ. އޭނަގެ އުމުރުގަ ދުވަހަކުވެސް ރަށުގެ އެހިސާބަކަށް އޭނައެއް ނާދެއެވެ. ކުރިމަތީގައި އޮޅަކާއި އެއްފަރާތެއްގައި ދެއޮޅުފެންނަން ހުއްޓެވެ. މުޅި ފަޒާގައިވަނީ ތެތްފިނިކަމެވެ. ފަތްތަކާއި ފެނާއި އޮޅުގެވަސް މުޅި ހިސާބަށްވަނީ ފެތުރިފައެވެ. ޔަޒާން ޖީޒާ އާއި ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނައަށް އެއްވެސް އެއްޗެއް ބުނާކަށް ވަގުތެއްނުވިއެވެ. އޭނަގެ މޫނުގައި ޖީޒާގެ ހޫނުކަމާއިއެކުއައި އަތްތިލައިން ބޮނޑިއެއް އެޅިކަން ޔަޒާންއަށް އިޙްސާސްވިއެވެ. ތަދުވިވަރުން ޔަޒާންއަށް ހަޅޭލަވައިގަނެވުނެވެ.

“ކޮން ހަޅޭކެއް ލަވާކަށް، ކަލޭގެ ބާރު މަށަށްވެސް ދައްކާލަންވީނު، އަންހެނެއް ފެންނައިރަށް ތިވަރުވެފަ ހުންނަ ފިރިހެނަކަށް ކޮންބާރެއް ދެއްކޭނީ، ހިތުން އަހަރެން ވާވައްދަމުން ދިޔައީ، އެކަމަކު ވާވަނީ ކާކު، އަދި ބުނެފިޔޭ ޖީޒާއޭ، ބަލަ އަހަންނަށް ކިޔަނީ ޖީޒާއެއް ނޫނޭ، އަހަރެންގެ ސޫރަ ކަލޭ މިނޫނީ އަދި ދުވަހަކުވެސް ނުދެކޭނެ، ނިކަން ބާރު ހުރިއްޔާ އަހަންނަށް އަނިޔާކޮއްބަލަ، އަހަރެންގެ ކިބައިން ގަދަކަމުން އެދުންފުއްދަބަލަ….ނުކެރޭނެ، ތީބޮޑު ފިނޑިއެއް” ޖީޒާ ރުޅިވެރިކަމާއިއެކު ވާހަކަދެއްކިއެވެ. އޭނަގެ އަޑު ކުރަކިވެގެންދިޔަކަން ޔަޒާންއަށް ފާހަގަކުރެވުނެވެ. ކުރީގައި ހުރި އޮމާންކަމާއި ހިތްގައިމުކަން މުޅިންހެން ގެއްލިއްޖެއެވެ. ޔަޒާން އަޑުގަދަ ކުރަންފެށިއެވެ. ތީކާކުތޯ ބުނެ ޖީޒާ އާއި ސުވާލުކުރަންފެށިއެވެ. އެވަގުތު ޖީޒާ ޔަޒާންގެ މުޅި ހަޔާތް ކިޔާދޭން ފެށިއެވެ. އެހުރިހާ ކަމެއް ޖީޒާއަށް އެނގެންވީ ކިހިނެތްތޯ އޭނަ ސުވާލު ކުރަމުންދިޔައެވެ. އެކަމަކު ޖީޒާ އޭނަގެ އަޑުއެހުމެއްނެތި ވާހަކަދައްކަމުންދިޔައެވެ. ލައިބާއަށް ދެމުންދިޔަ ކޮންމެ އަނިޔާއެއް ކިޔާދެމުން ޖީޒާ ޔަޒާންގެ ގައިގާ އަތުންޖަހައެވެ. އެއާއިއެކު ބާރުހަޅޭކާއިއެކު ޔަޒާން ރޮއެގަނެވެ. އެހެނީ ޖީޒާގެ އަތްތިލަ ހުރީ އިންސާނެއްގެ އަތްތިލަ ހުންނަފަދަ ގޮތަކަށް ނޫނެވެ. ދުވަހަކުވެސް އެފަދަ އަތްތިލައެއް ޔަޒާންއެއް ނުދެކެވެ. ފަސްއިނގިލި ހުއްޓެއްކަމަކު އިންސާނެއްގެ އިނގިލިތަކަށްވުރެ އަތްތިލަ ބޮޑުވެފައި އިނގިލިތަށް ދިގެވެ. ނިޔަފަތި ދިގުވެފައި ކޮޅަށް ހިމައެވެ. ޖީޒާ ޔަޒާންގެ ގައިގާ ޖަހާ ކޮންމެ ފަހަރަކު އެހަށިގަނޑުން ލޭކޮށައިގެން ދެއެވެ. ލައިގެން ހުރި ޓީޝާޓު އިރަ އިރައިގެން ދެއެވެ. ނަގާދިލަ އާއި ވާތަދަށްވުރެ ހިތަށްވެރިވެފައިވާ ބިރުވެރިކަން މާބޮޑެވެ. ޔަޒާންއަށް ރޮމުން ޖީޒާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަންފެށުނެވެ. އެހެންނުހަދާ އޭނަ ދޫކޮއްލުމަށެވެ. އަދި އޭނަ ލައިބާއަށް ދެން ދުވަހަކުވެސް އަނިޔާ ނުކުރާނަން ކަމުގައި ބުނަމުންދިޔައެވެ. ހަމަ އެންމެ ފުރުޞަތެއް ދިނުމަށް އެދި އާދޭސްކުރަމުން ޔަޒާން ދިޔައިރު އޭނަގެ ބަލިކަށިކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ.

“ކަލޭ ލައިބާގެ މައްޗަށް ގަދަވެގަންނައިރު އޭނަވެސް ކިހާ އާދޭހެއް ކުރޭ، އޭނައަށް ކަލޭ ހަމަ އެންމެ ފުރުޞަތެއް ދިންނަމަ، އަޒުރާވެސް، ކަލޭވެސް، އެމަނިކުވެސް، ކޮންމެމީހަކުވެސް އުޅެނީ އަމިއްލަ އެދުމާއިގެން، ކޮންމެހެން ލައިބާއަށް ހެވެއް އެދިގެން އުޅޭބައެއް ނޫންތީ، ކަލެއަށް އެނގޭތަ އޭނަގެ ހަށިގަނޑުގައި ކިހާ ވޭނެއް އެޅިކަން، އޭނައަށް އެއްވެސް ކަމެއްނޭގޭ މައުސޫމު ކުޑަކުއްޖެއްގެ ގޮތުގައިވަނިކޮށް އެމައުސޫމުކަން ކަލޭގެ ތިރަހުމުކުޑަ ދެއަތުން ނިއުޅައިގަތީ، އޭނަ ފިރިހެނުންދެކެ ބިރުގަނެޔޭ، އެވެސް ކަލެއާއިހެދި، އޭނަގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލީ ކަލޭ، އެކަމަކު އަދިވެސް ތިބުނަނީ މާފުކޮއްދޭށޭ، ބަލަ ކަލެއަށް އެހުރިހާ ކަމެއް އަނބުރާ ގެނެސްދެވޭނެތަ، ލައިބާގެ މައުސޫމުކަމާއި، އެހިނިތުންވުމާއި، އޭނަގެ ހިތްހަމަޖެހުން އަނބުރާ ހޯދިދާނެތަ…ނުވާނެ، އަހަރެން ކަލެއަށް ފުރުޞަތު ދިނިން، އެކަމަކު މިއަދުމީ ލައިބާގެ ދިރިއުޅުމުން މަނިކު ބޭރުކުރިފަދައިން ކަލޭވެސް ބޭރުކުރަންވި ވަގުތު، ކަލޭ ނޫނަސް ބާރުގަދަ މީހުން އުޅޭ” ޖީޒާ އެއްވެސް ރަހުމެއްނެތްގޮތަކަށް ޔަޒާންގެ ގައިގާ ތަޅަމުންދިޔައެވެ. އެގޮތުން އެއްއަތުގައި ހިފާ ޔަޒާން އެއްލާލި އެއްލާލީނު ގޮސް ރުކެއްގައި ޖެހި ޔަޒާންގެ ހަށިގަނޑުން އިތުރުއަޑެއް އިވިގެންދިޔައެވެ. އެހެން ފަހަރު ތަކަށްވުރެ ޔަޒާންގެ ހަޅޭކުގެ އަޑުވެސް ގަދަވިއެވެ. އަދި ކުޑަހިނދުކޮޅަކަށް އޭނަގެ ހަބަރު ހުސްވިއެވެ.

ހަމަހޭވެރިކަން ލިބުނުއިރު އޭނައޮތީ އޮޅެއްގެ ކައިރީގައެވެ. ހަށިގަނޑުގެ އުނަގަނޑުން ތިރި އެއްގޮތަކަށްވެސް އޭނައަކަށް އިޙްސާސްއެއް ނުވެއެވެ. ކައިރީގައި ހުރި ޖީޒާއަށް ބަލާލުމުން އޭނަގެ ފަހުވަގުތު ޖެހިއްޖެކަން އެނގި ބާރަށް ރޮއެގަނެވުނެވެ. ސަލާމަތަށް އެދި ގޮވުމަކީ ބޭކާރު ކަމެއްކަން ޔަޒާންއަށް ޔަގީންވިއެއްކަމަކު އޭނަ އެހީއަކަށް އެދިގޮވިއެވެ. ޖީޒާ ފައިން ޔަޒާންގެ ފައިކޮޅުގައި ޖަހާ އޮޅުގެ ތެރެއަށްވައްޓާލިއެވެ. ޔަޒާން ތެޅިގަނެފައި އޮޅުން އަރަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި ބާކީ ހުރި ހުރިހާ ހަކަތައެއް ދެއަތަށް ލުމަށްފަހު އޮޅުގެ ތެރެއިން އަރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޮޅުގެ ކައިރީގައި ހެދިފައިހުރި ޗަކަހުގެ ސަބަބުން އެކަން ފަސޭހަކަމަކަށްނުވިއެވެ. ޖީޒާ ދުރުގައި ބަލަން ހުރިއިރު އޭނަގެ ރުޅިވެރިކަން މޫނުމަތިން ފާޅުވަމުންދިޔައެވެ. ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ޔަޒާންގެ ހަށިގަނޑު ދިޔައީ އޮޅުގެ ކިސަޑުގަނޑުތެރެއަށް ގެބެމުންނެވެ.

“ކިހިނެތްވެފަ އެނދުގަ ތިއޮތީ” ލައިބާގެ ކޮޓަރި ދޮރުހުޅުވާލި އަޒުރާ ބުނެލިއެވެ. ލައިބާ އެނދުން ތެދުވަމުން ކަމެއްނުވާކަމުގައި ބުންޏެވެ. އަޒުރާ ޔަޒާން އާއި ބެހޭގޮތުން ސުވާލުކުރީ ދެނެވެ. ހުދު ލައިބާއަށްވެސް ޔަޒާން ނުކުމެގެން ދިޔަތަނެއް ނޭގެއެވެ.

އިރުއިރުކޮޅާ ގޭދޮރުމައްޗަށް އަޒުރާ ނުކުމެ މަގުގެ ދެފަރާތް ބަލާލައެވެ. ރޭގަނޑު އަށެއްޖަހާ ދިޔައިރުވެސް ޔަޒާން ގެއަކަށް ނާދެއެވެ. އަޒުރާއަށް ބޮޑުމަގުން އައި ހައްވަދައިތަގެ އާއިލާ ފެނުނީ އެވަގުތުއެވެ. ގޭތެރެއަށް ވަންނަން އުޅެފަވެސް ހައްވަ ދައިތަގެ ހަބަރެއް ބަލާނުލާ ދާން އޭނަގެ ޒަމީރު ނޭދުނެވެ.

“ކޮބާ ހުސޭނުބޭ ރަނގަޅުވީތަ މިހާރު؟” ގެއަށްވަންނަން އައި ހައްވަދައިތައަށް އަޒުރާ ބުނެލިއެވެ. އޭރު އެދެމަފިރިންގެ ތިންކުދިންވެސް އައީ ގެއަށްވަނުމަށެވެ.

“ނޫނޭ، އެންމެ ފަހުގެ ބޭސްގަނޑު އަޅައިގެން މިއައީ، ދެން ދާން ޖެހެނީ މަސްދުވަސްފަހުން، ބޭސްގަނޑު ނަގަން، ކޮބާތަ ކުދިން، ހާލު ރަނގަޅުތަ، އެމަންޖެ ވަރަށް ދެކިލާހިތުން މިހިރީ، ބުނައްޗޭ ހައްވަދައިތަ އައިވާހަކަ” ހިނިއައިސްފައި ހައްވަދައިތަ ބުނެލިއެވެ.

“އެހެންތަ، ކުދިން ރަނގަޅު ބުނާނަން ހައްވަދައިތަ އަތުވެއްޖެޔޭ” އަޒުރާ އެހެން ބުނެލަމުން އެނބުރި ގޭތެރެއަށްވަންނަން ހިނގައިގަނެއްޖެއެވެ. އޭނައަށް ލިބިފައިވާ ހާސްކަން ހައްވަދައިތައަށް ފޮރުވާލިއެއްކަމަކު ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ. ޔަޒާންގެ އުމުރުން ދޮށިކަމުގައިވިޔަސް އޭނައަކީ ރޭގަނޑު ބޭރުގައި އުޅެން ޖެހިލުންވާ ކުއްޖެއްކަން އަޒުރާއަށް ރަނގަޅަށް އެނގެއެވެ. އޭނަ ކަންބޮޑުވަނީ އެހެންވެއެވެ. ހަދާނެގޮތެއް ނޭގިގެން އެންމެ ފަހުން އަޒުރާ ނަދީމާއަށް ގުޅިއެވެ. އަދި އަޝްހަރާއި ހަމައަށްވެސް އެހަބަރުދިޔައެވެ. އެމީހުންގެ ފަރާތުން މާބޮޑު ހާސްކެމެއް ނުފެނުނެވެ. ބޮޑުވަމުން އަންނަ ފިރިހެން ކުދިން މިހާރު ރޭގަނޑު ގޭގައި ތިބުމުގެ އިތުރުން ކުރާނެ އެހެން ކަންތައްތައް ހުންނާނެ ކަމުގައި ބުންޏެވެ. އެވާނީ ޔަޒާން ކޮންމެވެސް އަންހެން ކުއްޖަކާއި ބައްދަލު ކުރަން ދިޔައީކަމަށެވެ. އެވާހަކަތަކުން އަޒުރާއަށް ފޫހިކަން އިޙްސާސްކުރުވިއެވެ. އެމީހުން އެބުނާ ގޮތަށް ޔަޒާން އަންހެން ކުއްޖަކާ ބައްދަލު ކުރަން ދިއުން އެއީ އަޒުރާ ބޭނުންވާގޮތެއްނޫނެވެ. ޔަޒާން ލައިބާ އާއިހެދި އުޅޭތީވެސް އޭނަ ހުންނަނީ އެކަމާ ހިތްހަމަނުޖެހިފައެވެ.

“އޭނަ އަންނާނެއޭ، ދެން އާދެބަލަ އަހަރުމެންނާއިއެކު މަޖާކޮއްލަން” އަޝްހަރު އަޒުރާއަށް ގޮވާލަމުން ބުނެލިއެވެ.

މަސްތުކަމުގެ ތެރެއަށް އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިން ގެއްލިފަވީއިރު ލައިބާއަށް ނިންޖަކަށްވާކަހަލަ ނިންޖެއް ނުނިދެއެވެ. އިރުއިރުކޮޅާ ހޭލެވެނީއެވެ. ބަނޑަށްވެސް އުނދަގޫވަނީއެވެ. މިރޭ ބަނޑުގައިވާ ދަރިފުޅު މާބޮޑަށް ހަރަކާތްތެރިވާކަން ލައިބާއަށް ފާހަގަވިއެވެ. އަރިއަކަށް އޮވެ މަޑުމަޑުން ލައިބާ ބަނޑުގައި ފިރުމަމުންދިޔައެވެ. އަދި ބަނޑުގައިވާ ދަރިފުޅާ ވާހަކަވެސް ދައްކަމުންދިޔައެވެ. އަނެއްކޮޅުން ޔަޒާން އާއި ދޭތެރޭވެސް އޭނައަށް ފިކުރުކުރެވެއެވެ. އޭނަ ބިރުގަންނަނީ ޔަޒާންއަށް ހުރިހާ ކަމެއް އެނގިދާނެތީއެވެ. އޭނަ ލުބާ އާއި ގުޅިގެން ޔަޒާންއަށް ދޮގުހެދިކަން އެނގިއްޖެނަމަ ލައިބާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަން އޭނައަށް އެނގެއެވެ. އިހަށްދުވަހު ޔަޒާން އޭނައަށް ހެދިގޮތް އަދި ހަނދާނެއްނުނެތެއެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ކޮވެލީގެ ރީތި ސަނާތައް މީހުންނަށް އިއްވަމުންދިޔައިރު އުދުހިއުދުހިފައި އުޅޭ ކާޅުތައްވެސް ހަމަ އެންމެ ތަންފުކެއްވެސް ދޫނުކުރެއެވެ. ފާހާނާއިން ނުކުތް ލައިބާ އެއްއަތް އުނަގަނޑުގައި ވިއްދާލާފައި ހުރިއިރު އަނެއްއަތުން ބަނޑުގައި ފިރުމަމުންދިޔައެވެ. އޭނަ ފެންނަ ކޮންމެ މީހަކަށްވެސް އޭނަ އެއުޅެނީ ބަނޑަށް އުނދަގޫވާތީކަން އެނގޭހާވެޔެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. އާދައިގެ މަތިން ބަދިގެއަށް ވަންނަން ދިއުމުގެ ކުރިން ޔަޒާންގެ އެނދަށް ބަލާލިއެވެ. އެ އެނދު ހުރީ ލައިބާ ތަންމަތިއެޅިގޮތަށް، އެންމެ ރުލެއްވެސް ޖެހިނުލައެވެ. އެހެންވެ ޔަޒާން ރޭހަތަރުދަމު އެކޮޓަރިއަށް ނުވަންނަކަން ލައިބާއަށް ޔަގީންވިއެވެ. އަދި އޭނަ ގަސްދުކުރީ އަޒުރާގެ ކޮޓަރި ބަލާލުމަށެވެ. އެހެންނަމަވެސް ހިޔާލު ބަދަލުވީ އެމީހުން ތިބޭނެގޮތެއް ސިފަވީތީއެވެ. ދެފަރާތަށް ބޯހޫރުވާލަމުން ހިޔާލުތަކުން ސިކުނޑި މިނިވަންކޮއްލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލަމުން ހެނދުނުގެ ތާޒާކަމާއި ކުރިމަތިލިއެވެ.

އެތެރެގޭ ތެރެއިން ބަދިގެ ފަރާތަށް ނުކުތުމަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓިގެން ދިޔައީ ހައްވަދައިތަ މެންގޭ ބަދިގެ ފަރާތުން ރޭޑިއޯ ހުޅުވާފައިވާ އަޑުއިވިގެންނެވެ. ލައިބާގެ ދެލޯބޮޑުކޮއްލެވުނެވެ. ތުންފަތުގައި ކުޑަކޮށް ދަތްއަޅާލަމުން ވިސްނާލެވުނެވެ. ހައްވަދައިތަ އައީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށް އެރިއެވެ. ނޫނީ އެގެއަށް ބަޔަކު އައީ ބާއެވެ. ލައިބާ ޔަގީން ކޮއްލުމަށް ހައްވަދައިތަމެންގޭ ބަދިގެ ފަރާތަށް ބޯއަރިކޮއްލާ ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އެހެންނަމަވެސް ހައްވަދައިތަކަން ލައިބާއަށް ޔަގީންވުމަށް މާގިނައިރެއް ނުނެގިއެވެ. އެހެނީ ހައްވަދައިތަ ކައްކާ ގަޑީގައި ބަދިގެއިން ވަޔާއިއެކުވެގެން އަންނަވަހުގެ ހިތްގައިމުކަމީ ހައްވަދައިތައަށް އެކަނި ލިބިފައިވާ ކުޅަދާނެކަމެއްކަން ލައިބާ ގަބޫލުކުރާކުރުމެވެ. އަވަހަށް ގޮސް ފާރުބުރި މަތިން ހައްވަދައިތައަށް ގޮވާލާ ހާލު އަހުވާލު އަހާލަން ލައިބާ ބޭނުންވިއެވެ. އެކަމަކު އަމިއްލަ ބަނޑާއި ދިމާލަށް އޭނައަށް ބަލާލެވުނީ ސަބަބަކާއި ނުލައެއްވެސް ނޫނެވެ. ލައިބާ އޭނަގެ ބޮޑުވެފައިވާ ބަނޑާއި ދޭތެރޭ ދެކޭގޮތަށް އެހެންމީހުން ނުދެކޭނެކަން އޭނައަށް އެނގެއެވެ. އަބަދާއި އަބަދު އަޒުރާގެ ހަންޖަރެއްފަދަ ތޫނު ބަސްތަކުން އޭނައަށް މިއަދާއި ހަމައަށް އައިއިރު ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަން އެނގިއްޖެއެވެ. ލައިބާ ދޮރުފަތުގައި ލެނގިލިއެވެ. ބަނޑުހައިވެސް އޭނަހުރީ ވެފައެވެ. އެކަމަކު ހައްވަދައިތަ އަށް ފެންނާކަށްވެސް ބޭނުމެއްނޫނެވެ. އެންމެ ފަހުން ލައިބާ ގޭތެރެއިން ބޭރަށް ނުނިކުމެ މަޑުކުރީ ހައްވަދައިތަ މެންދުރު ނަމާދަށް ދާންވާއިރަށް ކައްކާފަ ގޭތެރެއަށް ވަންނާނެއިރަކަށެވެ.

އަޒުރާއަށް ހަމަހޭވެރިކަން ވީއިރު ގަޑިން އެގާރަޖަހަނީއެވެ. އެހެންޏާ ފެންނުވަރާ ކޮޓަރިން ނުނިކުންނަ އަޒުރާ މިއަދު ދުވެފައި ކަހަލަ ގޮތަކަށް އައިސް ލައިބާ އާއި ޔަޒާން ނިދާކޮޓަރިބެލިއެވެ. ބޭއިޙްތިޔާރުގައި ނިތުގައި ހިފަހައްޓާލެވުނެވެ. ޔަޒާން އަދިވެސް ގެއަށް ނާންނަނީބާއޭ އަޒުރާގެ ހިތަށްއެރިއެވެ.

“ހެލޯ، ނަދީ، ޒާން އަދިވެސް ގެއަށްނާދޭ، އަހަރެން އޭނަގެ ފޯނަށް ވަރަށް ގުޅައިފިން، ރޭސުރެން ފޯނުވެސް އޮންނަނީ ނިއްވާލާފަ، އަޅެ އަހަރެން ހަދަންވީ ގޮތެއް ބުނެދީބަލަ، ރަށުއޮފީހަށް އަންގަންވީތަ؟” އަޒުރާ އަވަސް އަވަހަށް ކޮޓަރިއަށްގޮސް ނަދީމާއަށް ފޯނުކުރިއެވެ.

“އަޒޫ، އަހަރެން ބުނީމެއްނު ކަންބޮޑުނުވާށޭ، ޔަޒާންގެ ގޮތް އަހަރުމެންނަށް އެނގެއެއްނު، އޭނަ ޔަގީން އެވާނީ ކޮންމެވެސް އަންހެން ކުއްޖެއް ކައިރިއަށް ދިޔައީކަމަށް، އަޒުރާ އެއްޗެއް ބުނެދާނެތީ އެކަހަލަ ވާހަކައެއް ނުބުނީކަންނޭގެ، އަދި ރަށު އޮފީހަށް އަންގާކަށް އަހަންނަކަށް ނުފެނޭ، އިރުކޮޅަކުން ގެއަށް އައިސްދާނެކަންނޭގެ، އަދިވެސް އަހަރުމެންނަށް ޔަގީނެއްނޫނެއްނު ޔަޒާން ގެއްލިގެން ކަމެއް މިއުޅެނީ، އަޒޫ، އަހަރެން ފަހުން ގުޅާނަން، މިހާރު އެހަށް ފޯނު ބާއްވާލާނަން އެނގޭ” ނަދީމާ ބުނެލިއެވެ.

އަޒުރާ ފޯންކޯލު ކަނޑާލަމުން ފޯނުގެނެސް ތުންފަތުގައި ޖައްސާލިއެވެ. އަދި ކުޑަވަގުތުކޮޅަށް ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރިގޮތަށް ހުއްޓެވެ. ދެން އޭނަ ލައިބާއަށް ގޮވިއެވެ. އަދި ޔަޒާން އާއި ބެހޭގޮތުން ސުވާލުކުރިއެވެ. އޭނަ ގޭން ނުކުތީ ކޮންވަގުތަކުތޯއެވެ. ދިޔަތަނެއް އެނގޭތޯއެވެ. އެހެންނަމަވެސް އަޒުރާއަށް ލައިބާގެ އެއްވެސް ޖަވާބެއް މުހިއްމެއްނުވިއެވެ. އޭނަގެ ފަރާތުން ހީކުރިވަރެއްގެ އެހީތެރިކަމެއްނުލިބުމުންނެވެ.

ހަވީރު އަތަށް އަޅާލިއިރު ލައިބާއަށް ވަރުބަލިކަން އިޙްސާސް ކުރެވެމުންދިޔައެވެ. އަދި ބަނޑަށްވަމުންދިޔަ އުނދަގޫތައް އިތުރުވެގެންދިޔައެވެ. މާބޮޑަށް ބަނޑުހަރުވެފައި ނޭވާކުރުވާހެންވެސް ލައިބާއަށް ހީވެއެވެ. އޭނަ ލުބާ އަންނާނެ އިރެއްގެ އިންތިޒާރުގައި އެތެރެގެއިން ބަދިގެ ފަރާތަށް ނުކުންނަ ދޮރުކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އެހެން ހުރިއިރު ދޭތެރެ ދޭތެރެއިން މަޑުމަޑުން ލުބާގެ ނަން ކިޔާލެވެއެވެ. އޭނައަށްވެސް ވިހަންވީ ވަގުތު ކައިރިވަނީކަން އެނގުނެވެ. ލުބާއަށް އެދެވެނީ އެހެންވެގެންނެވެ. ގަހަކުން ފަތެއްތެޅިލިޔަސް، ނޫނީ ވައިރޯޅިއެއް ބީހިލިޔަސް ލައިބާއަށް ވަށައިގެން ހޯދާލެވެއެވެ. އެހެނީ ލުބާވެސް އަންނަގޮތެއް ނޭގޭނެއެވެ. ފެންނާނީ އައިސްހުއްޓައެވެ.

ޖޯލީގައި އިން ހައްވަދައިތަ ގޮވާއަޑަށް އަޒުރާ ނުކުތެވެ. އެއާއިއެކު ލައިބާ ކޮބާތޯ ސުވާލުކުރިއެވެ. ޔަޒާން އާއި ހެދި ހާސްވެ ކަންބޮޑުވެފައިވާ އަޒުރާއަށް އިތުރު ހާސްކަމެއް ލިބިގެންދިޔައެވެ. އޭނަ ޔަޒާން އާއިހެދި ހާސްވެފަ ހުރިވަރުން ހައްވަދައިތަ އައިސް އުޅޭކަމާއި، ލައިބާ ބަނޑުބޮޑުކަން އެނގިއްޖެނަމަ އެކަމާ ސުވާލުކޮށް، ބޮޑުކަންތައްގަނޑަކަށް ހަދާލާނެކަން އޭނައަށް ވިސްނާނުލެވުނީއެވެ. އަޒުރާ އަވަސް އަވަހަށް ލައިބާވީ އޭނަ ރައްޓެހި ކުއްޖެއްގެ ގެއަށް ގޮސްކަމުގައި ބުންޏެވެ.

“ކޮންއިރަކު އެމަންޖެ ގޭން ބޭރަށް ދާންފެށީ، މިއަދު ހެނދުނު ގަޑީގަވެސް ނުދެކެން ބަދިގެ ފަރާތުން، ގަސްތަކަށް ފެންދޭން ނުކުމެ އުޅޭތަނެއްވެސް ނުދެކެން، ހާދަ ބަދަލުވެއްޖެޔޭ ދޯ، އަހަރެން ހީވެސް ނުކުރަން އެމަންޖެ މީހުންގެތެރެއަށް ނުކުމެ އުޅެދާނެއެކޭ، އާދެބަލަ ޖޯއްޔަށް އަނގަތަޅާލަން…” ހައްވަދައިތައަށް އަޒުރާގެ ޖަވާބު ލިބުމާއިއެކު ބުނެލިއެވެ. ވާހަކަދައްކަން ބޭނުންނުވިއެއްކަމަކު އަޒުރާ ހައްވަދައިތައަށް ނޫނޭކޭ ނުބުނެއެވެ. އެންމެ ފަހުން ގޮސް ހައްވަދައިތަ އިށިން ޖޯއްޔާއި އެއްޖޯލި ދޫކޮއް އަޒުރާވެސް އިށީނދެއްޖެއެވެ.

ރޭގަނޑުއިރުއޮއްސި ހަތެއްޖަހަންވިއިރު އަޒުރާއަކަށް ކެތެއްނުކުރެވުނެވެ. ޔަޒާން ވީތަނެއް ހޯދަންބޭނުންވިއެވެ. އެކަމަކު ހޯދަންދާނެ ވަކިތަނެއްނޭގޭތީ ނަދީމާއާއިއެކު ރަށުގެ އިސްވެރިއެއްގެ އަރިހަށްގޮސް ޔަޒާން ގެއަށްނާންނަތާ ސައުވީސްގަޑިއިރަށްވުރެ ގިނައިރުވެއްޖެކަމުގައި ބުންޏެވެ. އެވަގުތުން ފެށިގެން ރަށުގެ ރައްޔިތުންނަށް އެކަން އަންގަން އަވަސްވެގަތެވެ. ރަށުއޮފީހުގެ ވެރިން އަޒުރާއާއި ބައްދަލުކުރުމަށްފަހު އެންގީ ގޭގައި މަޑުކުރުމަށެވެ. ޔަޒާންގެ ހަބަރެއްވީހާ އަވަހަކަށް އަޒުރާއަށް އަންގާނެކަމުގައެވެ. އެއާއިއެކު އަޒުރާ އާއި ނަދީމާ އައީގެއަށެވެ.

“އަޒޫ ހާސްނުވެބަލަ، ޔަޒާންއަށް ކަމެއްނުވާނެއޭ” ބޮޑުއަށިމަތީގައި އަޒުރާ އާއިއެކު އިން ނަދީމާ ބުނެލިއެވެ.

އޭނަ އަޒުރާގެ ގާތުގައި ކަންބޮޑުނުވުމަށް އެދި އެކިއެކި ވާހަކަތައްދައްކަމުންދިޔައެވެ. އަދި ގަޑިއަށް އިރުއިރުކޮޅާ ބަލަމުންދިޔައީ އޭނަގެ ޑިއުޓީގަޑި ފެށެން ގާތްވާތީއެވެ. ނަދީމާ އަޒުރާއާއި ވަކިވީ އެހެންވެއެވެ. އެކަމަކު އޭނަ ޑިއުޓީ ނިމުމުގެ ކުރިން އަންނާނަން ކަމުގައި ބުންޏެވެ. ނަދީމާ ދަމުންދިޔައީ ލައިބާގެ ކޮޓަރި ދޮރުހުޅުވާލާފައި އޭނަ ކޮބާތޯވެސް ބަލާލާފައެވެ. އޭރު ލައިބާއަށް އޮތީ ނިދިފައެވެ. އެކަމަކު އޮތީ ކުރުގެޅިލައިގެންނެވެ.

އެރޭގެ ނުވައެއްޖަހަންވިއިރު ކުއްލިއަކަށް ދުނިޔެމަތި ބަނަކޮއްލީ ތިޔަހެންނެއްނޫނެވެ. ކަޅުރަތްކުލައިގެ ވިލާތައްފެންނަންފެށީ ރުޅިވެރިކަމާއިއެކު ހަނގުރާމަކުރާ ބަޔަކުހެންނެވެ. އިވެންފެށި ބާރު ގުގުރީގެ އަޑުފައްގަޑާއިއެކު ކޮންމެ ގެއެއްގެ ކުދިވެރިންތިބީ ލޮލުފިޔައެއް ޖަހާލަން ނުކެރިފައެވެ.

“ދަރިފުޅާ، ނަމަނަމަ މިރޭ ގޭންބޭރަށް ނުނިކުންނާތި، އެތެރެގޭ ދޮރާއި ބޭރުގޭ ދޮރު އަވަހަށް ތަޅުލައި ބަންދުކުރޭ، ފިނިޖައްސާލަންވެސް ކުޑަދޮރެއްހާ ހިސާބުވެސް ހުޅުވާފަ ނުބައްހައްޓާތި، ހުރިހާ ކުދިންނަށް މިހާރު ކާންދީފިންތަ، ބޮޑުކަމެއް ޖެހިއްޖެނަމަ ބައްޕައަށް ނުގޮވާ އެކަމެއް ނުކުރާތި، ވުލޫކޮއްލައިގެން އައިސް ނިދަން އޮށޮންނާތި، ބައްފަ މީދަނީ ކޮޓަރިއަށް، މިރޭ އެހާއަވަހަކާ ނިދޭނެހެނެއް ހިޔެއްނުވޭ، މިދަނީ ކުޑަކޮށް ކިޔަވާލާ ހަދަން” އަލިފުތާބެ ގޭގެ ބޮޑުއަށިމަތީ އިނދެފައި އޭނަގެ ދޮށީޅީދަރިފުޅު ހުރަސްކަނޑާލިތަން ފެނުމުން ގޮވާފައިގެނެސް ބުނެލިއެވެ.

“ބައްޕާ، ސާމާ މެންގެ ދެމަފިރިން ތިބީ ކޮޓަރީގައި، ހުސެންކޮއްކަ އާއި ޖާވިދު މުޙައްބަދުބެއާއިއެކު ކައިގެން އެއައީ ހަމަދެންމެ، ބަދިގޭގައި ހުރި އެއްޗެހީގަ މިއައީ ހަމައެކަނި ގޮށިޖަހާލާފަ ބަދިގެ ލައްޕާފަ، ހެނދުނަށް ރިހަބޯތަށި ހުންނާނީ ކުނިވެފައި، ކިހިނެތްތޯ ހަދަންވީ، އެހުރިގޮތަށް ބަހައްޓަންވީތޯ، ބައްޕާ، އަދި ވާހަކައެއް އަހަންތޯ، ކުއްލިއަކަށް ކިހިނެތްތޯވީ، އަޑުއަހައިފިން ބައްޕަ ދުރުވި އެއްކަލަ ނިޒާރުބޭ މެންގޭ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭވާހަކަ، އޮފީހުގެ މީހުން ރައްޔިތުން އެއްކުރަން އުޅެނިކޮށް ވިއްސާރަވެގެން ހުއްޓާލީ ހެނދުނުން ހޯދަންކަމަށް، އެވާހަކައެއްނޫން، އަހަންމިއުޅެނީ ބައްޕައަށް ކަމެއް އެނގުނީތޯއޭ ކުއްލިއަކަށް އަހަރުމެން ހުރިހާ ކުދިން ގެއަށް ތިވައްދަނީ” ޒަރީނާ އޭނަގެ ބަފާބެގެ ގާތުގައި އަހާލިއެވެ.

“ދަރިފުޅާ، ދެން ބަދިގެ ފަރާތަށްވެސް ނުކުންނާނެކަމެއްނެތް….އިތުރަށް ސުވާލު ނުކުރޭ، ޔަގީނުންވެސް މީ އާދައިގެ ވިއްސާރައެއްނޫން، ބޭރަށް ނުނިކުތުން އެންމެ ބުއްދިވެރީ” އަލިފުތާބެ ތެދުވެ އޭނަގެ ކޮޓަރިއަށްވަނުމަށް އަވަސްވެގަތެވެ.

އިވެމުންދިޔަ ބާރުގުގުރީގެ އަޑާއި އައިގަދަވަޔާއިއެކު ހީވަނީ ގޭގޭގެ ފުރާޅުތައް ވިއްސާލަފާނެހެންނެވެ. ގިނައިރުތަކެއްނުވެ ވާރޭގެ ތިކިތަކުން ރަށްއެއްކޮށް ތެތްމާލައިފިއެވެ. އެއަޑުތަކާއިއެކު ލައިބާ އެނދުމަތީ ޖެހިބުދެއްހެން އިނެވެ. އޭނަގެ ނިތްކުރިން ހިއްލަމުން ދިޔަ ދާތިކިތަކުން އޭނައަށް އެއްވެސް ފިނިކަމެއްނުވާކަން އެނގެއެވެ. އަޒުރާ ކަންބޮޑުވުމާއިއެކު ނަދީމާއާއި ފޯނުންވާހަކަދައްކަމުންދިޔައެވެ. ގޭގެ ހުރިހާ ދޮރުތަކެއްލައްޕައިގެން ހުއްޓެއްކަމަކު މުޅިފަޒާފައި އެނބުރެމުންދާ ތޫފާނުގެ ވަރުގަދަކަމާއި ބިރުވެރި އަޑުތައް އިވި އިޙްސާސްކުރެވެމުންދިޔައެވެ. އެހެންނަމަވެސް އަޒުރާ ކަންބޮޑުވެފައިވަނީ ޔަޒާން އާއި ދޭތެރޭއެވެ. ކުއްލިއަކަށް ލައިބާ ރޮއެގެން އަޑު އިވުނުހެން އަޒުރާއަށް ހީވިއެވެ. އޭރުވެސް އޭނަހުރީ ނަދީމާގެ ފޯނުގައެވެ. އަދި އަވަސް އަވަހަށް އައިސް ލައިބާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ލައިބާ އެނދުގެ ބޯލާކޮޅުފަޑީގައި އެއްއަތުން ހިފަހައްޓާލައިގެން އަދި އަނެއްއަތުން ބަނޑުގައި ހިފަހައްޓާލައިގެން ގުދަށްކަހަލަ ގޮތަކަށް އޮތެވެ. ބަނޑުގައި ނަގަމުންދިޔަ ރިހުމުގެ ސަބަބުން އޭނައަށް ރޮވެނީއެވެ.

“ވިހަނީ، ނަދީ…ވަގުތު ޖެހިއްޖެ….ނަދީ ލައިބާ….ލައިބާ ވިހަނީ…” އަޒުރާއަށް ދުވެފައިކަހަލަ ގޮތަކަށް ލައިބާއާއި ދިމާލަށް ދެވުނެވެ. އަދި އޭނަގެ ގައިގާ ހިފަހައްޓާލެވުނެވެ.

އަޒުރާ ނަދީމާ އާއި ފޯނުން ވާހަކަދައްކަމުން ލައިބާގެ ގައިގާ ހިފަހައްޓާލިއެވެ. ނަދީމާ އަވަސް އަވަހަށް ހަދަންވީގޮތް ކިޔާދެމުންދިޔައެވެ. ހާސްވެ ކަންބޮޑުވެފައިވިއެއްކަމަކު އަޒުރާ ނަދީމާ ދައްކަމުންދިޔަ ވާހަކަތައް ހަނދާނުގައި ބަހައްޓަން މަސައްކަތްކުރަމުންދިޔައެވެ. ފޯނު ބޭއްވުމާއިއެކު އަޒުރާ އަވަސްވެގަތީ ލައިބާ އޭނަގެ އެނދުގައި ބޭއްވުމަށެވެ. ވަރަށްވެސް އުނދަގުލާއިއެކު ލައިބާ އޮށޯތެވެ.

ލައިބާގެ ބަނޑުގައި ރިއްސާތާ ކުޑައިރުކޮޅެއްފަހުން ރިހުން މަޑުވިއެވެ. އެއާއިއެކު އަޒުރާ ބޮޑުއަށިމަތި ތައްޔާރުކޮއްލީ ލައިބާ ވިއްސަންށެވެ. ނަދީމާއަށް އާދެވޭއިރު މާލަސްވެދާނެތީއެވެ. ވެހެމުންދިޔަ ބޯވާރެއާއި ލޯތަށް އަދިރިވެގެންދާހާ ގަދަ ވިދުވަރާޢިއެކު އިވޭ ގުގުރީގެ ބާރުއަޑާއިއެކު މީހަކަށް ބޭރަށް ނުކުންނަން ކެރެވޭވަރެއްނުވެއެވެ. ނަދީމާއަށްވެސް އަންނަން ނުކެރުނީ އެހެންވެއެވެ. އޭނަ ހުރީ އޭރު ހޮސްޕިޓަލް ޑިއުޓީގައެވެ. ލައިބާ ވިހަން އެއުޅެނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައެވެ. އަޒުރާ ކަންކުރަމުންދިޔައީ ނަދީމާ އިރުޝާދުދިންގޮތަށެވެ. މީގެ ކުރިން އޭނަ މީހަކު ވިއްސާފަކައި ނުވެއެވެ. އެހެންވެ ހަދަންވީ މާގިނަގޮތްތަކެއް އޭނައަކަށް ނޭގެއެވެ. ލައިބާ ހާސްވެ ކަންބޮޑުވެފައިވާއިރު އޭނަވެސް ހުރީ ހާސްވެފައެވެ. ހަރަކާތްއަވަސް ކޮއްލާފައެވެ. އަޒުރާގެ އެހީގައި ލައިބާ އެނދުން ތެދުވެގެންގޮސް ބޮޑުއަށިމަތީގައި އޮށޯތެވެ.

ތިންފަހަރު މަތިން ރިހުން އައިއިރުވެސް ލައިބާގެ ބަނޑުގައިވާ ދަރިފުޅު ނުކުންނާކަށް ތައްޔާރެއްނުވެއެވެ. އަޒުރާއަށް ދެން ހަދާނެގޮތެއް ނޭގި އަނެއްކާވެސް ނަދީމާއަށް ގުޅިއެވެ. ރިހުންއަރާ ވަގުތު ލައިބާއަށް ދަންދޮރު އޮޅޭހާވެއެވެ. އޭނަގެ ދެދަތްފިލަ ޖެހިބާރުވެފައިވާއިރު އަޑުގައިވަނީ ވޭނީއަސަރުތަކެވެ. ތަހައްމަލު ކުރަން އޭނަ ކުރާހާ މަސައްކަތް އެއަޑުންވެސް އެނގެއެވެ. ބާރަށް ހަޅޭނުލަވާ ވޭތޯއެވެ. ލައިބާގެ މުޅި މޫނުވަނީ ރަތްވެފައެވެ. މީހާއެއްކޮށް ދާހިތްލާ ފޯވެފައިވެއެވެ. އަޒުރާއަށް ހަދާނެގޮތެއް ނޭގިގެން އުޅެނިކޮށް ލައިބާ އެހެންފަހަރު ފަހަރާ ހިލާފުގޮތަކަށް ހަޅޭލަވަންފެށުމުން އޭނައާއި ގާތްވެލިއެވެ.

ދަމުނަމާދަށް ތެދުވި ހައްވަދައިތައަށް ރަނގަޅަކަށް ނިދޭވަރެއްނުވެއެވެ. މޫސުމަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ. ނިދިޖެހިލާއިރަށް އިވޭ ބާރުގުގުރީގެ ސަބަބުން މޭގަނޑު އަނގަޔަށް އަންނަހާވެއެވެ. ޓިނުފުރާޅުގައި ޖެހެމުންދިޔަވާރޭގެ ތިކިތަކާއި ވަޔައިއެކު ފަޒާގައި ހަރުލާފައިވާ ބޫންއަޑުފާޑުގެ އަޑުގެތެރެއިން ކުޑަކުއްޖަކު ރޯލިއަޑުއިވުނެވެ. ހައިރާން ކަމާއިއެކު ވުލޫކުރަން ހުރެ ފާހާނައިގެ ފެންލައިޓަށް ބަލާލެވުނެވެ. އަޑުއައީ އަޒުރާމެންގެއާއި ދިމާލުންނެވެ. ހައްވަދައިތަ އިރުކޮޅަކު މަޑުކޮއްލުމަށްފަހު ދެވަނަ ފަހަރަށް އެއަޑުނީވުމުން ހީވިގޮތެއްކަމުގައި ހަދާ އަވަސް އަވަހަށް ވުލޫކޮއްލައިގެން ފާހާނާއިން ނުކުތެވެ.

ލައިބާގެ ކަންފަތުގައި ދަރިފުޅު ރޯލިއަޑުޖެހުނެވެ. ގަޔަށް ބާރުލާފައި ކުޑަކޮށް ބޯކޮޅު ހިއްލާލީ ދަރިފުޅު ބަލާލުމަށެވެ. އެހެންނަމަވެސް އަޒުރާ އެކުއްޖާ ބޭއްވީ ބޮޑުއަށީގެ ލައިބާ އޮތްދިމާނޫން އަނެއްފަރާތަށް ވާގޮތަށެވެ. ލައިބާއަށް ދަރިފުޅުގެ ގައިގާ އަތްނުލެވޭނޭ ގޮތަށެވެ. ވަގުތުން ދަރިފުޅު ދިނުމަށް ލައިބާ ބުންޏެވެ.

“ނުލިބޭނެ، އެއީ އަހަރެން ކަލެއަށް ދޭކަށް ވިއްސިކުއްޖެއްނޫނޭ، އޭނަ ދުނިޔޭގަ ހުރެއްޖެނަމަ ވާނީ ކަލޭކަހަލަ ސުންޕާއަކަށް، އަހަރެން ބުނީމެއްނު އަހަންނަށްވެގެންނެއް ތިކުއްޖާ ދުނިޔެއަށް އުފަންވިޔަކަ ނުދޭނަމޭ، އަހަރެން އަޅާނުލާ ހުރީމަ ހީނުކުރައްޗޭ ކަލޭކޮޅު މޮޅުވީކަމަށް……ދެންވެސް ތިތާ މަޑުން އޮވޭ” އަޒުރާ ހިނގައިގަތީ އެތެރެގޭދޮރާދިމާލަށެވެ.

ލައިބާއަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮވުނެވެ. ދަރިފުޅު ތުވާލިގަނޑެއްގެ ތެރޭ ދުރުގައި ހިމޭންވެފައިއޮތްއިރު އެކުއްޖާގެ ފުރާނަހުރިބާއޭ ލައިބާގެ ހިތަށްއެރިއެވެ. އޭނަ މަޑުމަޑުން ހަށިގަނޑު ތެދުކުރަން މަސައްކަތްކުރިއެވެ. އެއިންކޮންމެ ފަހަރަކު އޭނަގެ ހަށިގަނޑުގައި އަޅާވޭން އިތުރުވެ ދެލޮލުން ފައިބާ ކަރުނަ އިތުރުވެގެންދެއެވެ. ދެއަތުގެ އެހީގައި ހަށިގަނޑު ބޮޑުއަށިމަތީ ދަމަމުން ކަހަލަގޮތަކަށް ލައިބާ ދަރިފުޅުގެ ކައިރިއަށް ދިޔައެވެ.

ބޯވިއްސާރައިގެ ތެރޭ އިތުރުގޮތެއްނެތިގެން އަޒުރާ ކުޑައެއްގެ ހިޔަލުގައި ބަދިގެއަށްގޮސްވަނީ ދުވަމުންނެވެ. އޭނަގެ އަތްމަތި އަވަސްކޮއްލާފައި ހުރީ ހޫނުފެން ކެއްކުމަށެވެ. އޭނަ އެއުޅެނީ ބޮޑުތެއްޔެއްގައި ހޫނުފެންކައްކާ އެއަށް އެތުއްތު ކުއްޖާލާ މަރާލާށެވެ. ދުނިޔެއަށް އައިކަމުގެ ނިޝާންތައް ދުނިޔައަށް ފޮހެލާށެވެ. އެފަދަ ބޮޑުކަމެއް ކުރާނެހާ ހިތްވަރު އޭނައަށް ލިބުނީ ކިހިނެތް ކޮންދުވަހަކުކަމެއް ނޭގެއެވެ. އެހެންނަމަވެސް މިއަދު ހުރިހާ ކަމެއްވެސްވަނީ ބަދަލުވެފައެވެ. އަޒުރާ ދުނިޔެމަތީ އެންމެ ރުޅިއައިސް ފޫހިވާ މީހާކަމުގައި ލައިބާވަނީ ވެފައެވެ. އަނެއްކޮޅުން ހުއްދަނޫނަސް އޭނަގެ ލޯބިވެރިއެއްގެ ގޮތުގައި އަމިއްލަ ދަރިފުޅު ޔަޒާން ވަނީ ބަލައިގަނެވިފައެވެ. މަޖަލާ ސަކަރާތުގެ ތެރެއިން ފެށުނު އެގުޅުން މިހިސާބަށް އާދެވުނުއިރު ދުރުނުވެވޭހާ ގާތްވެގެންހިގައްޖެއެވެ. ކުއްލިއަކަށް އިވުނު ބާރުގުގުރީގެ އަޑަށް އަޒުރާ ސިހިގެންދިޔައެވެ. ހޫނުފެން ކެކެންދެން މަޑުކޮއްލައިގެން ހުރި އަޒުރާ އެކިއެކި ހިޔާލުކުރަމުންދިޔައެވެ. އެދަންވަރު އެކަނިމާއެކަނި ހުރިހާ ކަމެއްކުރަމުންދިޔައިރު ލައިބާ އޮތީ އެކަނިހާލައިގެން ނުތެދުވެވޭނެ ހާލަތެއްގައިކަން އޭނައަށް އެނގެއެވެ. ދަރިފުޅު ލައިބާގެ އަތުގައި ޖައްސާވެސްނުލާ އޭނަގެ ކުރިމަތީގައި ހުރިހާ ކަމެއްކުރަން އަޒުރާ ނިންމިއެވެ.

ތުރުތުރު އަޅައަޅާއޮތް ދެތުންފަތުން މަޑުއާހެއްނުކުތެވެ. ލައިބާގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއްލިބުނެވެ. އެތުއްތު ތުއްތު މޫނުގައި ލޯބިން ބޮސްދިނެވެ. އެއާއިއެކު މަޑުމަޑު ކުކުރާލުމެއްގެ އަޑުއިވުނެވެ. ރުއިމުގެ ތެރެއިން ލައިބާއަށް ހީލެވުނެވެ. އެވަގުތު ލޮލުންވެއްޓުނު ކަރުނަތިކި ޖެހުނީ ދަރިފުޅުގެ ކޯތާފަތުގައެވެ. އަވަސް އަވަހަށް ލައިބާ އިނގިއްޔަކުން ފޮހެލިއެވެ. ގުގުރީގެ އަޑާއިއެކު ދަރިފުޅު ރޮއެގަތެވެ. ލައިބާ އޭނަގެ ގަޔާއި ދަރިފުޅު ކައިރިކޮއްލަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ސިހިފައި ބޭރުގޭ ދޮރާދިމާލަށް ބަލާލެވުނީ، ކުއްލިއަކަށް ދޮރުހުޅުވިގެންދިއުމުންނެވެ. ލައިބާގެ ހިތްބާރަށް ތެޅެންފެށިއެވެ. އަޒުރާ ކޮބާބާއޭ ހިތަށް އެރިއެވެ. ދަރިފުޅާއި ގާތްވެލަމުން ލައިބާ ދޮރާދިމާލަށް ބަލަހައްޓައިގެން އޮތެވެ. ވަޔާއިއެކު ވާރޭގެ ތިކިތަށް ގޭތެރެއަށްވިއްސަމުންދިޔައެވެ. ދޭތެރެދޭތެރެއިން ލައިބާ އެކަނި ހުންނަވަގުތުތަކުގައި ގޮވާލާ ރީތި ފިރިހެންވަންތަ އަޑުން ލައިބާއަށް ގޮވާލިއަޑުއިވުނެވެ. އެހެންނަމަވެސް އެކަކުވެސް ލައިބާއަށް ފެންނަހިސާބުގައެއްނެތެވެ. މިފަހަރުވެސް ދެތިންފަހަރު ގޮވާލާފައި އެމީހަކު ހުއްޓާލާނެ ކަމުގައި ލައިބާ ހީކުރިއެވެ. އެހެންނަމަވެސް ހައިރާންވީ މިއޮއްދަންވަރު މޫސުން މިހާގޯސްވެފައިވާ ވަގުތެއްގައި އެމީހަކު ލައިބާއަށް ގޮވާލުމުންނެވެ. މިހާދުވަސް ވީއިރުވެސް ލައިބާގެ ނަމުން އެގޮވަނީ ކާކުކަމެއް އެނގިފައެއްނެތެވެ. އެމީހަކު ލައިބާގެ ލޮލަށް ނުފެންނަނީއެވެ. އުމުރުން ކުޑަކުޑައިރު އެއަޑުއިވި ބިރުގަތްކަމުގައިވިޔަސް މިހާރު އާދައަކަށްވެ އެއަޑުގައި ހިތްގައިމުކަމެއް އެކުލެވިފައިވާކަން ފާހަގަކުރެވެއެވެ. ހާއްޞަކޮށް ލައިބާގެ ހިތާކުޅެލި ހަމައެކަނި ޒުވާނާކަމުގައިވި އަބިޔާލްގެ އަޑާއި އެއްވެސް ތަފާތެއްނުހުރެއެވެ.

ހީކުރިގޮތާއި ހިލާފަށް އެޒުވާނާ ލައިބާއަށް ދެވަނަފަހަރަށް ގޮވާލަމުން ވާހަކަދެއްކިއެވެ. އަޑުއަންނަނީ ދޮރާދިމާލުންކަމަށްވިޔަސް ލައިބާއަށް އަދިވެސް މީހަކުފެންނަގޮތެއްނުވެއެވެ. ބޯހިއްލާލަމުން ދޮރާދިމާލަށް އަނެއްކާވެސް އޭނަ ބަލާލިއެވެ. އަދި ކާކުތޯ ސުވާލުކުރިއެވެ.

“މިވަގުތު ކާކުތޯ ބެލުން އެހާ މުހިއްމެއްނޫން، ދަރިފުޅު ސަލާމަތްކުރަން ބޭނުންނަމަ އަހަންނާއިއެކު އާދޭ، މިއައީ ލައިބާ ބަލާ، އަޒުރާ އެއަންނަނީ ލައިބާގެ ދަރިފުޅު މަރާލަން…އަވަހަށް އާދޭ” ދޮރުމަތީގައި ހުރި ނުފެންނަ މީހާ ބުންޏެވެ.

ލައިބާ ދެވަނަ ފަހަރަށްވެސް ކާކުތޯ ސުވާލުކުރިއެވެ. އަދި ބަލައޭމިއައީ ބުނުމުން އޭނަ ހަނދާންވީ ލުބާގެ މަތިންނެވެ. އަވަހަށް ލުބާ ފޮނުވައިގެންތޯ ތިއައީ ސުވާލުކުރިއެވެ. ލުބާ ފޮނުވި މީހެއްކަމުގައިވާނަމަ ގޭތެރެއަށްވަދެ ލައިބާއަށް އެހީތެރިވުމަށް އޭނައެދުނެވެ. ލައިބާއަށް އެވަގުތު ދޮރުމަތިން ހިޔަންޏެއް ފެނުނެވެ. ކަޅުއަނދިރީގައި ކާކުކަން ވަކިނުވިޔަސް އެތަނުގައި މީހަކު ހުރިކަން ޔަގީންވިއެވެ. ލައިބާ ލުބާ ކޮބާތޯ ސުވާލުކުރިއެވެ. އޭނަ ވިހޭ ވާހަކަ ބުނެދިނުމަށްއެދުނެވެ. އަޒުރާގެ ކިބައިން އޭނަގެ ދަރިފުޅު ސަލާމަތްކޮއްދިނުމަށް ލުބާގާތު ބުނެދިނުމަށްއެދުނެވެ. ކުޑަހިނދުކޮޅަކަށް ދޮރުމަތިން ހިލަމެއްނުވުމަށްފަހު ލުބާ ގޮވާލިއަޑުއިވުނެވެ.

“ލުބާ، ތިއައީތަ؟ އަހަރެން ވިހައިފި، ލޯބި ލޯބި ފިރިހެންކުއްޖެއް، ނުވަންނާނަންތަ؟” ލައިބާއަށް ބުނެލެވުނެވެ.

“ލައި، އަވަސްކުރޭ، ވަގުތެއްނެތް، އަޒުރާ އެއަންނަނީ ތިދަރިފުޅު މަރާލަން، އަހަރެން މިއައީ ލައި ބަލައޭ، އަހަންނާއިއެކު އާދޭދާން، އެކަމަކު އަހަންނަށް ގޭތެރެއަކަށް ނުވަދެވޭނެ، ދޮރާއިހަމައަށް އާދޭ، ލައިބާ….އަވަސްކުރޭ، މިރޭގެ މިފުރުޞަތުގެއްލުވާނުލާ، މިނިވަންވާން ކިހާ ދުވަހަކު އިންތިޒާރުކޮއްފިން، އަހަންނާއިއެކު އާދޭ، ދެން ދުވަހަކުވެސް ލައިބާ ނުރުހޭކަމެއް އެކަކަށްވެސް ކުރާކަށް ނުކެރޭނެ، އަހަރެން ލައިގެ ދެމައިން ބަލާނަން، މީ ހިތްވަރުކޮއްފައި ސަލާމަތްވާންވީ ވަގުތު…” ލުބާގެ އަޑުގައިވަނީ ހާސްކަމެވެ. ލައިބާ އެހުރިހާ ވާހަކައެއް ގަބޫލުކުރިއެވެ. ހުރިހާކަމަކަށްވެސް ނިމުމެއް އޮންނާނެއެވެ. މީއޭނައަށް ލިބެމުންދިޔަ ވޭންތަކުން މިނިވަންވާން ލިބުނު ފުރުޞަތެއްކަމުގައި އޭނަ ގަބޫލުކުރިއެވެ.

ހަށިގަނޑަށް ބާރުލަމުން ލައިބާ ތެދުވަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި އަޅާވޭނުގެ ސަބަބުން ލައިބާ ކުރަމުންދިޔަ މަސައްކަތް ހުއްޓާލިއެވެ. އަދި ދަރިފުޅު ގޮވައިގެން ދާހާ ހިތްވަރެއް އޭނަގެ ނެތްކަމުގައި ބުންޏެވެ. ގޭތެރެއަށްވަދެ އެދެމައިންނަށް އެހީތެރިވުމަށް ލުބާގެ ގާތުން އެދުނެވެ. އެހެންނަމަވެސް ލުބާ ދިނީ އޭނަ އަބަދުވެސް ދޭޖަވާބެވެ. ގޭތެރެއަށްވަދެއްޖެނަމަ ހުދުއޭނަވެސް ލައިބާގެ ދަރިފުޅުވެސް ސަލާމަތެއް ނުކުރެވޭނެކަމެވެ. އަދި މުޅިއުމުރު ދުވަހު އަޒުރާގެ ގައިދީއަކަށްވެގެން އެގޭގައި އިންނަން ޖެހިދާނެކަމުގައި ބުންޏެވެ. ލައިބާ އެކަން އެގޮތަށް ވާކަށް ބޭނުމެއްނޫނެވެ. ދަރިފުޅަށްޓަކައި އޭނަ ކޮންމެފަދަ ކަމެއްވެސް ކުރަން ހުރީ ތައްޔާރަށެވެ.

އޮށޯވެގެންއޮވެ ފައިކޮޅު ބޮޑުއަށިން ތިރިއަށް ބާލުވަން އުޅުމުގެ ތެރޭ ލައިބާ ބޮޑުއަށިމަތިން ވެއްޓުނެވެ. އިޙްތިޔާރަކާއި ނުލާ ރޮއެގަނެވުނީ ވީތަދުންނެވެ. އެހެންނަމަވެސް އަތުގެ ނުފުށުން ލޯފޮހެލުމަށްފަހު ދެއަތުން ބޮޑުއަށިމަތީ އެލިގަނެގެން ކަހަލަގޮތަކަށް ތެދުވެ އެއްއަތުން ބޮޑުއަށިމަތީ އޮތް ދަރިފުޅު މެޔާޢި ކައިރިކޮއްލިއެވެ. ބާރަށް މޭގައި ދަރިފުޅު ބޮނޑިކޮއްލައިގެން ތެދުވެ ހިނގޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފައިގައި އެހާވަރެއްނެތެވެ. އަނެއްކޮޅުން ހަށިގަނޑުގައި އަޅާވޭންވަނީ އިތުރެވެ. ފެންޑާގައި ހުރި ޓީވީ ރެކު ނޫނީ ހިފަހައްޓާލާނޭ އެއްޗެއްވެސް ނެތެވެ. ތަޅުންގަނޑުމަތީ އަރިއަކަށް މޭގައި ދަރިފުޅު ބޮނޑިކޮއްލައިގެން އޮވެ އެއްއަތުން ދޮރާދިމާލަށް ދެމެމުންކަހަލަ ގޮތަކަށްދިޔައެވެ. ދަރިފުޅުގެ ކުކުރާލުމުގެ އަޑާއިއެކު ވަކިންބޮޑަށް ދޮރާދިމާލަށް ލައިބާއަށް ދެމިގަނެވެއެވެ.

ހޫނުފެން ތެލިހިފައިގެން ގޭތެރެއަށްވަތް އަޒުރާ އެކީގަހެން ތެމިފޯވެއްޖެއެވެ. އޭނައަށް ތަޅުންގަނޑުމަތީ ދަރިފުޅު ގޮވައިގެން ހުޅުވިފައިވާ ބޭރުދޮރާދިމާލަށް ދެމެމުންކަހަލަ ގޮތަކަށް ދާ ލައިބާ ފެނި ދެލޯބޮޑުވިއެވެ.

“އޭ……ކަލޭ ކޮންތާކަށް ދާން ތިއުޅެނީ، އެހާލުގަވެސް މަޑުން ނޯވެވިގެންތަ ތިއުޅެނީ، ދާނެތަނެއް އޮތްނަމަތާ، ނޫނީ ވާރޭގެ ތެރޭ ތިކުއްޖާ މަރާލަންތަ ތިއުޅެނީ، ރަނގަޅު، ރަނގަޅު، އަހަރެން މަރާލުމުގެ ކުރިން އަމިއްލަ ދަރިމަރާލަނީދޯ، މަށަށްވެސް ތިސުންޕާ ލިބުނުތަނާ މަރާލެވުނުނަމަ” އަޒުރާއަށް ލައިބާ ފެނުމާއިއެކު ބާރުބާރަށް ބުނެލިއެވެ.

އެއްވެސް އެއްޗެއް ނުބުނެ ލައިބާ ދޮރާދިމާލަށް ދިޔައެވެ. އޭނަގެ ބޮލަށް އެނބުރުން އަރާހެންވެސް އޭރު ހީވާންފަށައިފިއެވެ. މީހާ އެއްކޮށްވަރުބަލިވެ މޫނުމައްޗަށް އަނދިރިވާހެންވެސް ހީވެއެވެ. ލައިބާއަށް ދޮރުގެ އޮޅިގަނޑުގައި ހިފާލެވުނުކަން އެނގުނެވެ. އޭނަގެ މޫނުމައްޗަށް އަނދިރިވެ މުޅިމީހާގެ ހަބަރުހުސްވީ އެވަގުތުއެވެ. އުއްޑުންޖެހިފައިވާއިރު މޭމަތީދަރިފުޅު ލޯމަރާލައިގެން އޮތެވެ. ވަށައިގެންވާ ކަންތައްތަކާއިމެދު އެއްވެސް ހިޔާލެއްފިކުރެއްނެތިއެވެ.

އަޒުރާ ހޫނުފެންތެލި ތަޅުންގަނޑުމަތީ ބެހެއްޓުމަށްފަހު ލައިބާގެ މޭމަތީއޮތް ތުއްތުކުއްޖާ ނެގުމަށްއުޅުނެވެ. އެހެންނަމަވެސް ލައިބާއާއި ގާތް ނުވެވެނިސް ދެން ފެނުނީ ދޮރުންބޭރަށް ލައިބާގެ ހަށިގަނޑު ދަމައިގަތްތަނެވެ. ކުއްލި ސިހުމަކާޢިއެކު އަޒުރާއަށް ފަހަތަށް ޖެހެވުނެވެ. އަދި ދޮރާދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލައިބާގެ އެއްވެސް ހިލަމެއްނެތެވެ.

ފަތިސްވިއިރު ރޭގައިކުރި ގަދަ ވިއްސާރައިގެ ކަޅުވިލާތައް އުޑުމަތިންފިލާ އަލިވެއްޖެވެ. ގޭގެއިން ނުކުންނަ ކޮންމެ މީހަކުވެސް ބަލާލަނީ އުޑުމައްޗަށެވެ. ހިތްހަމަޖެހުމުމުގެ ހިނިތުންވުމެއް އެއިންކޮންމެ މޫނެއްގައިވެއެވެ. ގަސްތަކުގައިވާ ޝަބްނަމްތިކިތަކާއި ފަޒާގައި ހަރުލާފައިވާ ފިނިކަމާއިއެކު ހީވަނީ މުޅިރަށްއެއްކޮށް ދޮވެސާފުކޮއްލެވިފައިވާހެނެވެ. އެހުރި ހަޑިކަމެއް ވެހުނުވާރޭގެ ތިކިތަކާއިއެކު ފައިބައިގެންގޮސް ބިމުގައި ވަޅުލެވިފައިވާކަހަލައެވެ. އެކަމަކު އަޒުރާއަކަށް އެކަމުގެ ހިތްހަމަޖެހުމެއްނުލިބުނެވެ. އޭނައަށް ޔަޒާންވީތަނެއްނޭގިގެން އުޅެނިކޮށް އަނެއްކާ ލައިބާވެސް ގެއްލުނީއެވެ. ލޯކުރިމަތީގައެވެ. ބުނާނީ ވަކިކީކޭހެއްޔެވެ. ކޮންމެވެސް މީހަކު ލައިބާގެ އަތުގައި ހިފާދަމައިގަނެގެން ގެންދިޔައްޔޭ ބުނެފިނަމަ މާހަމަޖެހޭ ކަމަކަށް އެކަން ނުވާނެއެވެ. އެހެންނަމަވެސް އަޒުރާ ކަންވީގޮތް ނަދީމާއަށް ކިޔާދިނެވެ. އެރިއިރާއިއެކު ނަދީމާ ހުރީ އަޒުރާ މެންގޭގައެވެ.

މަޑުމަޑުން ލޯހުޅުވާލި ލައިބާ ފުންމައިގެން ތެދުވަން އުޅުނެވެ. އެއާއިއެކު އޭނަގެ ގައިގާ މީހަކު ހިފެހެއްޓިއެވެ. އޭނައޮތީ ބޯކަށިކެޔޮގަސްތަކެއްކައިރީގައެވެ.

“އަބިޔާލް…….” ލައިބާގެ ގައިގާ ހިފެއްޓި މީހަކު ލައިބާއަށް ފެނުމުން ބުނެލެވުނެވެ. އަބިޔާލް ލައިބާއަށް ހިނިތުންވެލަމުން އަރާމުކުރުމަށް ބުންޏެވެ. އަބިޔާލް ފެނުމުން ލައިބާ ހަމެޖެހުނެވެ. އަދި ވަށައިގެން ހޯދާލިއެވެ.

“އެކަކުވެސް ނާންނާނެ، އަހަރުމެން ދެމީހުން އެކަނި މިވަގުތު މިތިބީ…” އަބިޔާލްގެ ވާހަކަ މެދުކަނޑާލިއެވެ.

“ދަރި…….ދަރިފުޅު…..” ލައިބާ އެހެންބުނަން ޖެހިލުންވިއެވެ. އަބިޔާލް އަވަސް އަވަހަށް ލައިބާގެ ދަރިފުޅު އޭނަގެ އަތުގެ ތެރެއަށް ލާދިނެވެ. ލައިބާ އަބިޔާލް އާއި ސުވާލުކުރަންފެށިއެވެ. ލުބާގެ ރަޙުމަތްތެރިއެއްތޯ އެހިއެވެ. ލުބާ މިހާރު ކޮބާތޯވެސް އެހިއެވެ. އަދި އަބިޔާލް އޭނަގެ ގާތުގައި އިނީ ކީއްވެތޯ ސުވާލުކުރިއެވެ. އަބިޔާލް ލައިބާގެ އަތުގައި މަޑުމައިތިރިކަމާއިއެކު ހިފާލިއެވެ. އަދި ލައިބާއަށް އެނގެންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަމުގައި ބުނެ ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ.

އަބިޔާލްއަކީ ދެޖިންނީންނަށް ލިބިފައިވާ ޖިންނިއެއްކަމުގައި އޭނަ ބުންޏެވެ. އަޒުރާގެ ކާފައަކީ ކަންވެރިއެއްކަމަށްވާތީ އޭނަގެ ކައިރީގައި ވަރަށް ގިނަ ޖިންނީން ގެންގުޅުނެވެ. އޭގެ ތެރޭގައި އަބިޔާލްގެ މަންމަވެސް ހިމެނެއެވެ. އަބިޔާލް ކުޑައިރު އޭނަގެ މަންމަ މަރުވުވީވެސް އަޒުރާގެ ކާފައާއި ހެދިއެވެ. އެކަމުގެ ބަދަލު އަބިޔާލްގެ ބައްޕަ ހިފިއެވެ. އެކަމުގައި އަޒުރާގެ ކާފަ އާއި އަބިޔާލްގެ ބައްޕަވެސް ނިމިގެންދިޔައީއެވެ. އެހަނދާންތަކާއިއެކު އަބިޔާލް ދިރިއުޅެމުން އައީ ލައިބާގެ އުނދޯލި އެލުވާފައިވާ ބަނބުކެޔޮގަހުގައެވެ. އެއީ އޭނަގެ ކުޑައިރުގެވެސް ގެކަމުގައި ބުންޏެވެ. ލައިބާ ފެނުނު ފުރަތަމަ ދުވަހުންފެށިގެން ލައިބާދެކެ ލޯބިވެވުނު ކަމުގައި އަބިޔާލް އެއްބަސްވިއެވެ. އެކަމަކު އެކަން ހާމަ ކުރަން ނުކެރުނީ އަޒުރާ އާއި ޔަޒާން ކަންތައްކުރަންފެށިގޮތުން ކަމުގައި ބުންޏެވެ. އެހެންވެ ލުބާގެ ނަމުގައި ލައިބާގެ ސިފަޖެހެން ޖެހުނީކަމުގައި ކިޔާދިނެވެ. އެގޭތެރެއަށް ނުވަދެވެނީ އަޒުރާގެ ކާފަމަރުވަމުން ގޭތެރެއަށް އެއްވެސް ރޫހާނީ އެއްޗަކަށް ނުވަދެވޭގޮތް ހަދާފައިވުމުންކަމުގައި އަބިޔާލް ބުންޏެވެ. ވަދެފިނަމަ ހުދު އޭނަވެސް އަނދައިގެން ދާނެކަމުގައި ބުންޏެވެ. އުމުރުގަ ފުރަތަމަ ފަހަރަށް އިންސާނަކަށް ވީނަމައޭ ހިތަށް އަރާކަމުގައި އަބިޔާލް ބުނަމުންދިޔަވެ.

“އަހަރެން ހާދަ ކެތްތެރިވަމޭ، އަހަންނަށް އަޑުއިވޭ ލައިބާ ރޯއަޑު، އެޔަޒާން ކައިރީ އާދޭސްކުރާއަޑު، އަހަރެންނަށްވެސް އަސަރުކުރޭ، އެންމެ ރެއަކުވެސް ލައިބާގެ އަޑުނީވޭހާ ދުރަށް އަހަރެން ނުދަން، އެކަމަކު އަހަރެން ގޭތެރެއަށްވަތްނަމަ މިއަދު ލައިބާ ސަލާމަތްކޮއްދޭނީ ކާކު….” އަބިޔާލް ބުނެލިއެވެ.

ލައިބާ އެއްވެސް އެއްޗެއް ނުބުނެ މައްޗަށް ބަލަހައްޓައިގެން އޮތްގޮތަށް އޮތީއެވެ. އަބިޔާލްއަށް އެގޮތް ކަމަކުނުދިޔައެވެ. އިރުކޮޅު އިނުމަށްފަހު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ލައިބާ އަހަރެން ދެކެ ބިރުގަންނާކަށް ނުޖެހޭނެ، އަހަރެން ލައިބާ މިގެނައި ލައިބާއަށް ގެއްލުމެއްދޭކަށްނޫން، އަހަރެން ލައިބާ….” އަބިޔާލްއަށް ލައިބާ ބަލާލިގޮތުން ހުއްޓުންއެރިއެވެ.

ލައިބާ ފެންކަޅިވެފައިވާ ދެލޮލުން އަބިޔާލްއަށް ބަލާލަމުން އަތްދިއްކޮއްލިއެވެ. އެއާއިއެކު ތަންކޮޅެއް ދުރުގައި އިން އަބިޔާލް ލައިބާގެ ގާތަށް ޖެހިލަމުން އެއަތުގައި ހިފިއެވެ. ލައިބާ އަބިޔާލްގެ އަތުގެ ތެރެއިން އަތްނަގާ އަބިޔާލްގެ މޫނުގެ އެއްފަރާތުގައި ފިރުމާލިއެވެ. ލައިބާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ލުއިހިނިތުންވުމެކެވެ.

“އަހަރެންގެ ދިރިއުޅުމަށް އަހަރެން ބޭނުންވީ އަބިޔާލްފަދަ މީހެއް، އެންމެ ފުރަތަމަ ލޯބިވެވުނީވެސް އަބިޔާލްދެކެ، ތިސޫރަދެކެ، ތިއަޑުދެކެ، ތިއޯގާތެރިކަންދެކެ، ތީ އިންސާނެއްނޫންކަން އެނގުމުންވެސް މިހިތްބަދަލެއްނުވި، އެދުވަހުވެވުނު ލޯބި ބަދަލެއްނުވި، ހަމަ އެންމެ ތަންފުކެއްވެސް މަދެއްނުވި، އަހަރެން ބިރުގަންނަންވީ ކޮންކަމަކާ ކަމެއް މިހާރު ނޭގޭ، މިހިތުގައި އަބަދުމެނުފިލާވާ ބިރުވެރިކަން ތިސޫރަފެނިފަވެސް ފިލައިގެން ގޮއްސި، ތިއަޑަށް އަހަންނަށް އިތުބާރުކުރެވޭ، އިތުރު ހަގީގަތްތަކެއް އަހަރެން އަބިޔާލްގެ ފަރާތުން ބޭނުމެއްނޫން، އަހަރެންކަހަލަ މީހަކަށް މިވަރުވެސް ފުދޭ، އިންސާނަކަށްވީތީއޭ ކިޔާފަ އެމީހުންގެ ރަނގަޅުއެއްވެސް ސިފައެއްނެތް، މިއޮށް ހުރިހާ ދުވަހު އަހަރެން އިންސާނުންގެ ފަރާތުން ހިމާޔަތަށްއެދުނީ، އެއްފަހަރުވެސް ހީނުކުރަން އިންސާނަކަށްނުވިނަމަވެސް އަހަންނަށް ހިމާތްތެރިވާނެ ފަރާތެއް ހުރެދާނެއެކޭ، މީގެކުރިން މިފަދަ އެއްވެސް ވާހަކައެއް އަޑެއްނާހަން، އަދި ދުވަހަކުވެސް ޖިންނިއަކާއި ބައްދަލެއްވެސް ނުވޭ، އެކަމަކު އަހަރެންވެސް އަބިޔާލް ބޭނުން، އަހަރެން އުމުރުގެ ބާކީ އޮތްދުވަސްތައް އަހަރެންގެ ދަރިފުޅާއިއެކު އަބިޔާލްއާއި ހިއްސާކުރަން އަހަރެން ބޭނުން……” ލައިބާ އަބިޔާލްގެ އަތްގެނެސް އޭނަގެ ކޯތާފަތުގައި ޖައްސާލިއެވެ. އެވަގުތު އަބިޔާލް އޭނަގެ އަތްދަމައިގަތެވެ. އަދި ލައިބާއަށް ދުރަށް ޖެހިލަމުން ފުރަގަސްދިނެވެ.

“އަހަރެން ލައިބާ އާއި ކައިވެނިކުރަން އުޅުނު މަނިކު މަރާލީ، ލައިބާގެ ބޭބެ ޔަޒާންވެސް މިހާރު މަރުވެއްޖެ، އެދެމީހުން އަހަރެން މަރާލީ…….މިދެއަތުން، އަހަންނަކީ ތިހީކުރާހާ މާތްމީހެއްނޫން، އެކަމަކު އަހަރެންވެސް ލައިބާއަށް ކަމެއް ޔަގީންކޮއްދޭން ބޭނުން، އަހަންނަކީ އިންސާނަކަށްނުވިޔަސް ލައިބާއަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭނަން، ލައިބާ ބޭނުންވިފަދަ ދިރިއުޅުމެއްހޯދަދޭނަން، ލައިބާ އާއި ލައިބާގެ ދަރިފުޅު ހިމާޔަތްކޮއްދޭނަން……އެކަމަކު ލައިބާގެ ރުހުމުގަ” އަބިޔާލްއަށް ލައިބާ އާއި ކުރިމަތި ލައިގެން ހުރެ ބުނަންނުކެރުނީއެވެ. ލައިބާ އަބިޔާލްއަށް އޭނަގެ ނަމުން ގޮވާލާފައި އޭނަގެ ގާތަށްއައުމަށް އެދުނެވެ. އަބިޔާލްގެ އަތުގެ ތެރެއަށް ލައިބާގެ އަތްލަމުން އޭނަ އަބިޔާލްގެ ހިމާޔަތްތެރިކަމުގެ ދަށަށް ގެންގޮސްދިނުމަށްއެދުނެވެ. އަބިޔާލް ލައިބާ ކުޑަކުޑަކޮށް އުފުލާލަމުންގެނެސް އޭނަގެ މޭގައި ޖައްސާ ބާރުކޮއްލިއެވެ. އެއާއިއެކު ލައިބާގެ މަރާލެވިފައިވާ ދެލޮލުން ފޭދިގެންދިޔަ ކަރުނަތިކިތަށް ބީހިލީ އަބިޔާލްގެ މޭގައެވެ.

ލައިބާ އާއި ޔަޒާން ގެއްލުނުތާ ހަމަސްފުރުނުއިރު ރަށުތެރޭގައިވަނީ އެކިއެކި ވާހަކަތައް ފެތުރިފައެވެ. ރަށުގެ އެތަންމިތަން ހޯދާބެލިއްޖެއެވެ. އެދެމީހުންތުރެ އެކަކުގެވެސް ނިޝާނެއްހާ ހިސާބުވެސް ނުފެނުނެވެ. ހަގީގަތް އެނގޭ މީހަކަށް ހުރީ ހަމައެކަނި ނަދީމާއެވެ. އެވެސް ލައިބާ ގެއްލުނުގޮތާއި ބެހޭގޮތުންނެވެ. އެކަން އެހެންދިމާވާންވީ ގޮތެއް އެކަކަށްވެސް ނޭގެއެވެ. އަޒުރާގެ ޖާގައެއްކަމުގައި މިހާރު ހަމަޖެހިފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ. އަޅާލާނެ މީހަކުނެތެވެ. އެކުގައި މަޖަލުގައި ވަގުތުހޭދަކުރި މީހުންތައް ގޮވާލަން އަންނަ އުސޫލުން ދޭތެރެއަކުން އައިސް ގޮވާލާނެއެވެ. އެކަމަކު އޭނައަށް ހަމަހޭވެރިކަމެއްނުވެއެވެ. އަޒުރާއަށް އެހާލުޖެހުނީ ލައިބާ އާއި ޔަޒާން ގެއްލުނުތާ ދެހަފްތާފަހުންނެވެ. އޭނަގެ ކަރުގައި އަޅާފައިއޮތް ތަވީދު ކުއްލިއަކަށް ގެއްލުނީއެވެ. ވީގޮތެއް އަޒުރާއަކަށް ނޭގެއެވެ. އޭނަ އަލިފުތާބެ ގާތަށް އެފަދަ ތަވީދެއް ހެދުމަށްދިޔައެވެ. އެހެންނަމަވެސް އަލިފުތާބެގެ ބަލިހާލަތު ހުރިގޮތުން އެފަދަކަމެއް ކޮއްދެވެން ނެތިގެން އެކަން ނުކޮއްދިނެވެ. ދެން އަޒުރާއަށް ފާޑުފާޑުގެ އެއްޗެހި ފެންނަންފެށީއެވެ. އެކިއެކި ސިފަސިފައިގައެވެ. އެއްރޭ އިރުއޮއްސުނު ވަގުތު ގެއަށްވަނަން އައިވަގުތު އޭނަގެ ގައިގާ މީހަކު ބީހުނުހެން ހީވިއެވެ. އޭގެ ފަހުން ދެން އޭނަގެ ގައިގާ ނަގަންފެށީ ފޮޅުތަކެކެވެ. ޑޮކްޓަރުންނަށް އެފޮޅުތައް ނެގުން ކޮންޓްރޯލްއެއް ނުކުރެވުނެވެ. އަތުގައި ފައިސާ ދަތިވާންފެށީ ގައިގާ ނަގާ ފޮޅުތަކުގެ ސަބަބުން ސިފަގެއްލުނީމައެވެ. މީހާ ސިކުނޑި ހަމަނުޖެހޭ ވާހަކަ ދައްކަންވެސް ފެށީއެވެ. އިރުއޮއްސިއްޖެއްޔާ އިވޭނީ ހަޅޭލަވާ އަޑެވެ. އަހަންނަށް ތިހެންނުހަދާށޭ ކިޔާ ރޯއަޑެވެ. އޭނައަށް އެހީއެއް ފޯރުކޮއްލަދޭނެ މީހަކު މިދުނިޔަމަތީގައިނެތެވެ. މިހާރު އޮތީ ބަލިއެނދުގައެވެ. އެއީ އޭނަގެ އެންމެ ފަހުނޭވާ ދޫކުރާނެ ތަންމަތިކަންވެސް ނޭގެއެވެ.

ރަށުތެރޭގައި ވަލަށްވަދެއުޅޭ މީހުން ރީތި އަންހެން ކުއްޖަކު ބައެއްފަހަރަށް ފެންނަވާހަކަ ދައްކައެވެ. އެކަމުގައި ހަގީގަތެއް ވާކަމަކަށް އެކަކުވެސް ގަބޫލެއްނުކުރެއެވެ. އެކަމަކު އެހެންބުނާ މީހުންގެ ވާހަކަތަކުގައި އެއްގޮތް ގޮތެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ ބުރުގާއަޅާފައި ހުންނަ ކުއްޖެއްކަމާޢި ކުޑަކުޑަ ފިރިހެން ކުއްޖަކު އޭނަގެ ކައިރީ ހުންނަކަމުގައި ބުނާ ބުނުމެވެ. ދުވަހަކުވެސް މީހަކަށް ގޯނާ ނުކުރާކަމާއި ވަލަށްވަދެ މަގުއޮޅޭ ބައެއްމީހުންނަށް މަގުދައްކާދީ އެއަންހެން ކުއްޖާ ހަދާކަމުގައި މީހުން ބުނެއެވެ. ގިނަމީހުން ދެކެނީ އެއީ އަވަށްޓެރިކުއްޖެއްގެ ގޮތުގައެވެ. ދުވަހަކުވެސް ކައިރިން ނުފެންނަކަމެވެ.

ލައިބާގެ ނަން ފޮހެވިދިޔައީއެވެ. އޭނަގެ ނަން ބަޔަކު ހަނދާންނުކުރިކަމުގައިވިޔަސް އޭނައަކީ މިނިވަނެކެވެ. ފުރިހަމަ ހިމާޔަތް ލިބިފައިވާ އަންބެކެވެ. ލޯބި ލޯބި ފިރިހެންދަރިއެއްގެ މަންމައެވެ. ލޯތްބާ އޯގާތެރިކަން އޭނަ އާއިވަކިނުވެއެވެ. އެހެންނަމަވެސް އޭނަވަނީ އިންސާނުންގެ ލޯތަކަށް ފޮރުވާލެވިފައެވެ.


( ނިމުނީ )

Leave a Comment

Your email address will not be published. Required fields are marked *