DHEBEENUN [EP-11]

“ތޭންކްސް… އަހަންނަށް ހީވަނީ ޝާއިނާގެ ކަންކަން ކޮޕީ ކުރުމުގެ އާދަ އަދިވެސް ޝާމާގެ ނުހުއްޓޭހެން.” ހައިރާންކަން މޫނުމައްޗަށް ވެރިކޮށްލަމުން ޒީނިޔާ ބުންޏެވެ. އެހިނދު ޝާމާގެ މޫނު ހުދުވެގެން ދިޔަ ކަހަލައެވެ.

“ޒީ!… ކީއްވެ ތިހެން ތުބުނީ؟. ދޮންތީ އަދިވެސް އެކަހަލަ ވާހަކަ ދައްކާތަ؟. އައި މީން… މީ… މިދިޔަ އަހަރު ކަންތައްވީ ގޮތް އެނގޭތަ؟.” ޝާމާ އާދައިގެ ގޮތެއް ދައްކަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް ޒީނިޔާ ބުނި އެއްޗަކުން އަސަރު ކޮށްފިއެވެ.

“އާން!… އެނގޭ… ވަޓްސް ޔޯ ޕޮއިންޓް؟.” އަސަރެއް ނެތްފަދަ އަޑަކުން ޒީނިޔާ ބުނެލިއެވެ.

“ކޮންވައްތަރަކަށް ތި ވާހަކަދައްކަނީ؟، ތިކަހަލަ އެޓިޓިއުޑަކާއެކު އުޅޭކަށް ފަސޭހައެއްނުވާނެ. ރަޙުމަތްތެރިވާނޭ މީހަކު ވެސް ނުވާނެ. ޔޫ އާ ގޮއިންޓު ހޭވް އަ ހާޑް ޓައިމް.” ޝާމާ ބުންޏެވެ.

“އަހަރެންދެއްކި ވާހަކައާ ތިކަމާ ކޮންގުޅުމެއް އޮތީ؟. ކީއްކުރާ ރައްޓެހިންތަކެއް؟. ތިބުނަނީ ކަލޭގެ ރައްޓެހިންތަ؟. ކާކު އެކަހަލަ ރައްޓެހިންތަކެއް ބޭނުންވާނީ.”

ޒީނިޔާ ތުންފަތަށް ވެރިވީ މަލާމާތުގެ ފަނޑު ހިނިތުންވުމެކެވެ. ޝާމާގެ މޫނު ހިލައަށްވީ ކަހަލައެވެ. ނަމަވެސް އޭނާގެ ދެ ލޮލުން ނުރައްކާތެރި އަނދިރިކަމެއްގެ ދިހުންކުލަ ވެރިވެފައިވެއެވެ. ޝާމާގެ ކަނާއަތްފަރާތުން ފަހަތުގައި މަޑުކޮށްލައިގެން ހުރި ލިއުޝާ ވާހަކަދެއްކީ އެވަގުތެވެ.

“ޝާމާ!… ވަޓްސް ގޮއިން އޮން ހިއާ؟.” ލިއުޝާ ކަމަކާ ހާސްވެފައި ހުރި ކަހަލައެވެ.

“އެއީ ދޮންތީގެ ފްރެންޑެއް، އަހަރެން ކައިރިއަށް އެއައީ…” ޝާމާ ނިކަން އަވަހަށް ބުނެލިއެވެ.

“އޭނާ ޝާމާއާ ދިމާކުރާހެން ހީވަނީ.” ޝާމާއާ ކައިރިވެލާ ތަންކޮޅެއް މަޑުން ލިއުޝާ ބުނެލީ ކުރިމަތީ ހުރި ޒީނިޔާއަށް ބަލަމުންނެވެ. ހީވަނީ އޭނާ ވެސް ޒީނިޔާއާ ގަޔާނުވެފައި ހުރީ ހެންނެވެ.

“ކަލޭ ކައިރިއަށޭ… ޓާމިނަލްއަށް އައުމަކީ ކަލެއާ ބައްދަލުކުރަން އައުންތަ؟. ވަޓްއެވާ… ކަލޭ ތިއުޅޭވައްތަރު ހުއްޓާލާފަ އަމިއްލަ ލައިފެއް ބިނާކުރާކަށްނުވޭތަ؟. ފައިންޑް އަ ލައިފް އޮފް ޔޯ އޯން…” ޒީނިޔާ ހިނގައިގަންނަން އުޅެފައި ޝާމާއާ ކޮނޑާކޮނޑު ޖެހޭނޭ ހިސާބުގައި މަޑުކޮށްލައި ބުނެލިއެވެ. އަދި މަޑުކޮށް ހިނގައިގަނެއްޖެއެވެ.

“ވަޓް ދަ… ވަޓް އަ ސައިކޯ…” ޒީނިޔާ ދިއުމުން ލިއުޝާ ބުނެލީ އެކުވެރިޔާ ހިތްހަމަޖައްސާލަދޭން ކަހަލައެވެ.

“މައި… އޯން… ލައިފް… މައި އޯން…” ތުންތަޅުވާލި ފަދައިން ޒީނިޔާ ބުނި ބަސްތަކުން ބައެއް ޝާމާ ކިޔާލިއެވެ. ޒީނިޔާ ބޭރުކޮށްލި ލަފުޒުތައް، ބުރުވާލި ފުޅިތޮށިކޮޅުތަކެއް ފަދައިން އައިސް ހެރުނީ ޝާމާގެ ހިތުގެ އެންމެ ފުނަށެވެ.

* * * * *

“ހޭ ވަޓްސް ދި ރަޝް!… އަސްލު އަހަރެން ހިޔެއްނުކުރަން އެހާ އަވަހަށް ޚަބަރެއްވެދާނޭ.” މާޒިން ފާޑަކަށް ހެވިފައި ވާހަކަދެއްކިއެވެ.

ޒީނިޔާގެ ބަހުގެ ހަމަލާއާއެކު ޝާމާއަށް ލިބުނު ޒަޚަމްވީ ފުނެވެ. އޭނާގެ ފޯނުގައިވި ނަންބަރުތަކަށް ބަލަން ހުރިއިރު، އޭނާގެ ވެސް އަމިއްލަ ދިރިއުޅުމެއް އެބައޮތްކަން ބުނެލީ އަމިއްލަ ނަފްސަށް ޔަގީންދޭން ކަހަލައެވެ. މާޒިންއަށް ޝާމާ ގުޅީ އެ ޚިޔާލުތަކުގައި ހުރެއެވެ. މާޒިންގެ ނިޔަތަކީ ކޮބާކަން އެނގި ހުރެއެވެ. އެއްވެސް އަންހެންކުއްޖަކާ ސީރިއަސް ގުޅުމެއް އޭނާ ނުބާއްވާކަން ޝާމާއަށް އެނގެއެވެ. ބައްދަލުވާންވީ ތަނާއި ވަގުތު ކަނޑައެޅި ޝާމާއެވެ. މާލޭގައި ޝާމާއަށް ނޭނގޭ ގެސްޓްހައުސްއެއް ހުންނާނޭ މިހާރު ހިޔެއްނުވެއެވެ.

“މާޒް… އަހަރެން އެއްޗެއް އަހާލަންތަ؟.” މާޒިންގެ އަތުގެ ތެރޭގައި އޮވެ ޝާމާ ވާހަކަދެއްކިއެވެ.

“ކޮންކަމާގުޅިގެން؟.” މާޒިން ބުންޏެވެ.

“ދުށީންތަ ނޫނީ އަޑުއެހީންތަ އަހަންނާ ވައްތަރު ކުއްޖަކު ބިޒްނެސް ޑިޕާޓްމެންޓުގައި އުޅޭކަން.” ޝާމާ އަހާލިއެވެ.

“ތިކަހަލަ ވާހަކައެއް އަޑުއިވައެއްނެތް.” މާޒިން ވިސްނާލާފައި ބުނެލިއެވެ. އަދި ޝާމާގެ އިތުރު ސުވާލެއް ނެތިއްޔާ އެމީހުން އެތަނަށް ކުރަން އައި ކަންތައް ފެށުމަށް މާޒިން އެދުނެވެ. މާނަވީ ހިނިތުންވުމެއް ޝާމާގެ ތުންފަތަށް ވެރިވިއިރު ހީވީ މާޒިންގެ ފުށުން އިވުނު ޖަވާބުން ހިތްހަމަޖެހުން ލިބުނީ ހެންނެވެ.

“ދިސް… ދިސް އިޒް މައިން… ސަމްތިންގް ދެޓްސް އޯލް މައިން އެންޑް ވޯޒް ނެވާ ހާސް…” މާޒިންގެ ބީހުންތަކުގެ އިޙްސާސަށްވުރެ ޝާމާގެ ސިކުނޑީގައިވި އަޑު ގަދައެވެ. އޭނާގެ ހިނިތުންވުން ފުޅާވެފައިވަނީ އެ އަޑުގެ ސަބަބުންކަމެއް މާޒިން ނުދެނަހުއްޓެވެ. މާޒިންއަށް ހީވީ އޭނާގެ ކުޅަދާނަކަމުން ޝާމާ ގަޔާވެފައިވަނީ ކަމުގައެވެ.

* * * * *

“ދެޓް ބިޗް… ހިތަށް އެރީ އެމޫނުގަ ޖަހާފާނަމޭ.” ޒީނިޔާ އަތްދަބަސް ކޮނޑުން ވަކިކޮށްލައި ޝާއިނާގެ އެނދުމައްޗަށް ޖެހިއެވެ. އައިސްފައި ހުރި ރުޅި އެ ދަބަހަށް ބާލާލީ އެވެ.

“ޒީ… ކީއްކުރަން ތިއަންނަނީ މިގެއަށް.” އެނދުމަތީ އިން ޝާއިނާ ބުންޏެވެ.

“އަހަންނަކީ އިނާގެ ފްރެންޑެއް، އަހަންނާ އެހެންމީހުންނާ އެއްވަރުނުކުރޭ… އިނާ ކައިރިއަށް އަންނަން ކޮންމެ ފަހަރަކު ރީޒަންއެއް ބޭނުމެއްނުވޭ. އަހަރެން ބޭނުންއިރަކު އަހަރެންގެ ރަޙުމަތްތެރިޔާއަށް ގޮވާލަން އަންނާނަން.” އެނދު ކައިރިއަށް ކޮޓަރީގައި ހުރި “ބީންބޭގް” ދަމާލައި އޭގައި ޒީނިޔާ އިށީނެވެ.

“އަހަރެން ބިރުގަންނަނީ މިގެއަށް ޒީ އަބަދު އަންނަތަން އޭނާއަށް ފެނިއްޖެއްޔާ، ޒީ ވެސް އޭނާގެ ކޮޅަށް އަނބުރާލަފާނެތީ.” ޝާއިނާ ހަޤީޤަތް ހާމަކުރިއެވެ. ޒީނިޔާއަށް ލިބުނު ހައިރާންކަން ކުޑަހިނދުކޮޅެއްގެ ތެރޭ ފިލައިގެން ދިޔައީ ޝާއިނާއަށް ކޮށްފައިވާ އަސަރު އިޙްސާސް ކުރެވިގެންނެވެ. އެހިތް ހަމްދަރުދީއިން ފުރިފައިވެއެވެ.

“އިނާ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟. އަހަރެން އަބަދުވެސް ހުންނާނީ އިނާއާއެކު. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް އަހަރެންނަށް އަހަރެންގެ އެކުވެރިޔާ އެނގޭ. އޭނާގެ އެއްވެސް ބާރެއް އަހަރެންގެ މައްޗަށް ނުފޯރާނެ. އެކަމަކު ބުނަން…” ޒީނިޔާ ތެދުވިއެވެ. ޝާއިނާގެ ގާތުގައި ހުއްޓި ދެއަތުން ނިކަން ޝާއިނާގެ ކޯތާފަތުގައި ޖަހާލިއެވެ. އަޖައިބުވެފައި އެކުވެރިޔާއަށް ޝާއިނާ ބަލާލިއެވެ.

“ޝާއިނާ ކޮންއިރަކުތަ ތިހާ ބަލިކަށި މީހަކަށްވީ. ތީ އިނާގެ ގޮތެއްނޫން. ޔަގީނުން ވެސް އަހަރެންނާއެކު ބޮޑުވި އެކުވެރިޔާގެ ގޮތެއްނޫން ތީ… އޭނާ އިނާގެ އަތުން ޖަހައިގަތް އެއްޗިއްސާ މެދު ވިސްނާ ރޮއެ ހެދުމުގެ ބަދަލުގައި ބަލަންވީ އޭނާ އެކުރާ ކަންތައް ހުއްޓުވޭތޯ. ޝާއިނާއަކީ ޝައިނާ… ތީ އިތުރު މީހެއްނޫން. ދެއާ އިޒް ނޯ ސަޗް ތިންގް އޭޒް އަ ހޮލޯ ޕާސަން. މީހުން ކިޔާހާ އެއްޗަކަށް އެމީހުން ދެކޭ ގޮތަކަށް ބަލައިގެން ނޫޅެވޭނެ، ޔޫ އާ ނޮޓް އެމްޕްޓީ އިންސައިޑް އެންޑް ޑޯންޓް ޔޫ ޑެއާ ސޭ ދެޓް ދެއާ އިޒް ނޯބޮޑީ އޮން ޔޯ ސައިޑް. އިނާއަށް އެނގޭތަ އަހަންނަށް ފީލްވާ ގޮތް؟… އަހަރެން އިނާއާ މެދު ދުށީ ކިހިނެއްކަން؟… ޝާމާއަކަށް ހުރިހާ އެއްޗެއް ނުގެންދެވޭ… އޭނާ ހަމައެކަނި ޝާއިނާ އުޅޭ ގޮތް ކޮޕީކުރީ، ބޭރުފުށުން ފެންނަ ޝައިނާގެ ގޮތް ޝާމާއަށް ކޮޕީކުރެވުނީ… އެހެންވީމަ ދެން އިނާ ކުރަންވީ ކީއްކަން އެނގޭތަ؟. އިނާގެ ކުރީގެ ގޮތް ދޫކޮށްލައި އާގޮތެއް ޚިޔާރުކުރަންވީ. މޭކް ސަމްތިންގް ނިއު… ބިކަމް އަ ނިއު ގާލް…” ޝާއިނާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލައިގެން އިނދެ ޒީނިޔާ ބުންޏެވެ.

“މޭކް ސަމްތިންގް ނިއު…” ދެ ލޯ ބޮޑުކޮށްލައިގެން ޒީނިޔާއަށް ބަލަން އިނދެ ޝާއިނާއަށް އިވުނު ބަސްތައް ތަކުރާރުކޮށްލިއެވެ.

“ޔާ!… ކޮންމެކަމެއް މެދުވެރިވީ ނަމަވެސް މީގެ ފަހުން އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނެ އިނާއާ އެއްކޮޅަށް. އެކަންޏެއް ދެން ނުވާނެ.” ޔަގީންކަމާއެކު ޒީނިޔާ ބުންޏެވެ.

* * * * *

ކޮލެޖުގެ ގޯތި ތެރޭގައި އުޅުނު ކުދިބައެއްގެ ތެރެއިން ކުއްޖެއްގެ ގާތުގައި ހުއްޓި ރާޔަން އަހާލީ އެޑްމިނިސްޓްރޭޓިވް އިމާރާތަކީ އެތަނުން ކޮބާތޯއެވެ. އެކުއްޖާ އޭނާއަށް އޮޅުންފިލުވައިދިނުމާއެކު ހިނގައިގަތެވެ. ވިސްނައިގެން ހުރެ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ މައިދޮރުން ވަދެ އޮފީހާ ދިމާއަށް ރާޔަން އައެވެ. އެވަގުތު އޮފީހުން ނުކުތް އަންހެންކުއްޖާ ފެނުމާއެކު ރާޔަން ހުއްޓެވުނެވެ. އެމޫނު މަތިން ހައިރާންކަން ފާޅުވޭވޭ ހުއްޓެވެ.

“ހޭ… ކުއްލިއަކަށް އިސްތަށިގަނޑު ހާދަ ދިގުވީ، ހައިލައިޓްސްތައް ވެސް ފިލުވާލީތަ؟.” ރާޔަން ވާހަކަދެއްކިއެވެ.

“އެކްސްކިއުޒް މީ!…” ޝާއިނާއަށް ބުނެވުނެވެ. ރާޔަންގެ މޫނުގައި ސުވާލު މާކެއް ޖެހުނެވެ. ޤަބޫލުނުކުރެވިފައި ހުރެ ނިތްކުރިމަތިން އިސްތަށިގަނޑު ރީތިކޮށްލާ ފަދައިން ކަނާއަތްތިލަ ހިންގާލިއެވެ.

“ސަމާސާ ކުރަނީތަ؟” ރާޔަން އަހާލިއެވެ.

“ދެންމެ ފެނުނު މީހަކާ އަހަރެން ސަމާސާ ކުރަންވީ ކީއްކުރަން؟” ރުންކުރު ގޮތަކަށް ޝާއިނާ ބުނެލިއެވެ.

“ރުޅިއައީތަ؟.” ރާޔަންއަށް ބުނެވުނެވެ.

“ރާޔަން، މިތާ ކީއްކުރަނީ؟. ޝާމާ އެބުހުރި އެކޮޅުގަ؟.” ހަނާގެ އަޑު ދުރުން އިވުނެވެ.

އަޑު އައި ދިމާއަށް ރާޔަންއާ އެއްވަރަށް ޝާއިނާ ވެސް އެނބުރިލިއެވެ. ހަނާއާއި ޝާއިނާގެ ހަތަރުކަޅި ބައްދަލުވި ހިނދު ހަނާ ހުއްޓުން އެރިއެވެ. ޝާއިނާ ފެންނަ ކަމަކަށް ނުހަދާ ހިނގައިގަތީއެވެ. ރާޔަން އައިސް ހަނާއާ ހަމަކުރިއެވެ.

“އެ އަންހެންކުއްޖާ ދުށީންތަ؟. އެއީ ޝާމާއެއް ނޫންތަ؟.” ވާނުވާ ނޭނގިފައި ހުރި ރާޔަން އަހާލިއެވެ.

“އެއީ… ޝާމާގެ ޓުވިންސް ސިސްޓަރ.” ހަނާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ޝާއިނާއާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާންތައް ފިލައިގެންނުދާކަން ޔަގީނެވެ.

“ވަޓް؟… ޝާމާގެ ޓުވިންސެއް ހުރޭތަ؟.” ރާޔަންއަށް އިވުނީ މުޅިން އައު މަޢުލޫމާތެކެވެ.

“ޔާ، އެއީ ދައްކަން ރަނގަޅުވާހަކައެއްނޫން، ނުދެއްކިޔާ ބޮލަށް ފަސޭހަވާނީ.” ކަންތައްވީގޮތް ކިޔާދޭން ބޭނުންނުވެ ހުރެ ހަނާ ބުންޏެވެ. ނަމަވެސް ރާޔަން ހުރީ އިތުރަށް އެނގެން ބޭނުންވެފައެވެ.

“ޝާމާ ކައިރީ އަހާ.” ހަނާ ބުނެލިއެވެ. އޭނާ ރާޔަންއާއެކު ޝާމާ ކައިރިއަށް ދާން ބޭނުމެއްނުވިއެވެ. އެހެންވެ ޝާމާއާ ބައްދަލުވާންވާއިރަށް ރާޔަންއާ ވަކިވެ އޭނާގެ އަމިއްލަ ކަމެއްކުރަން ދާންޖެހިގެންނޭ ކިޔާ ހިނގައްޖެއެވެ.

“ހާއި!… ހިނގާ ކުލާސްތައް ފެށެންވާއިރަށް ސައިބޯން.” ރާޔަން ފެނިގެން އަތްހޫރާލުމާއެކު އޭނާގެ ގާތަށް އައިސް ހުއްޓުނު ގޮތަށް ޝާމަ ބުނެލިއެވެ.

“އަހަރެން ސައި ދޭނީ…” ރާޔަން ބުނެލިއެވެ. އެކަމަކު ޝާމާ ދެކޮޅު ހެދިއެވެ. ކުރިން ބުނީ އޭނާ ކަމަށްވާތީ މިފަހަރު މީ އޭނާ ދޭ ސައެއްކަމުގައި ބުންޏެވެ. ރާޔަން އެއްޗެކޭ ބުނަން އުޅުމުން ދެން ވެސް ޝާމާ މަނާކުރިއެވެ. ކޮލެކު ކައިރީ ދަރިވަރުން ދާ މަޝްހޫރު ކެފޭއެއްގެ ވާހަކަ އޭނާ ދެއްކިއެވެ. ކޮލުގެ ކިޔަވާކުދީންނަށް ޑިސްކައުންޓް ދޭތީ މާބޮޑު އެއްޗެއް ނާރާނޭ ޝާމާ ބުންޏެވެ.

ދެ ޒުވާނުން ވާހަކައިގައި ތިބެ ކޮލެޖުން ނުކުތެވެ. ފަސްމިނެޓު ތެރޭ ހިނގާލާފައި ދެވޭހާ ކެފޭ ކައިރިއެވެ. ސައިކަލުގައި ދިޔަ އާމިލްގެ ލޮލުގައި ޝާމާ އަޅައިގަތެވެ. އޭނާ ދުވާރުކައިރިއަށް މަޑުކޮށްލުމުން ވެސް ޝާމާ ފެންނަ ކަމަކަށް ނުހެދިއެވެ. ވާހަކައިގައި ހިނިތުންވަމުން ރާޔަން ހުޅުވާދިން ދޮރުން ކެފޭއަށް ޝަމާ ވަނީއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާމިލް ސައިކަލު ދުއްވާލީއެވެ.

ރާޔަންއާއެކު ހެދިކާ ނަގައި ފައިސާ ދެއްކުމަށްފަހު މޭޒެއް ޚިޔާރުކޮށް އެތަނުގައި ދެ ޒުވާނުން އިށީނެވެ. ރާޔަންގެ ވާހަކަތައް ހުސްނުވާ ކަހަލައެވެ. އެހެންވިޔަސް އޭނާގެ ވާހަކަތައް ޝާމާ އަޑުއަހަން އިނީ ޝައުގުވެރިވެފައެވެ. ލުއި ހިނިތުންވުމެއް ދޭތެރެއަކުން ތުންފަތަށް ވެރިކޮށްލައެވެ.

ހުޅުވިގެން ދިޔަ ކެފޭގެ ދޮރުން މާޒިން ވަންތަން ފެނުނެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ކެފޭގެ ނަން ބުނަމުން އެތަނަށް އައީކަން އޭނާ ބުނަމުންދިޔައެވެ. އަދި ފޯނުގެ އަނެއްކޮޅުން ވާހަކަދައްކާ މީހަކު ކައިރީ ގިނައިރުނުވެ އަންނަން ބުންޏެވެ. އެހެންނޫނީ އޭނާ ސައިބޮއެގެން އެތަނުން ނައްޓާލާނީއޭ ބުނެލިއެވެ.

ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި މާޒިން އިށީނެވެ. އޭނާއަށް ޝާމާ ފެނުނީ ދެނެވެ. ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ނޫންކަމަށް ހެދިގެން އިނދެވެސް ޝާމާގެ ތުންފަތް ކުޑަކޮށް ދެމިލިއެވެ. ކަތިނަޒަރެއް މާޒިންއާ ބަދަލުކޮށްލިއެވެ. މޭޒުދަށުން ފައިގެ ފަލަމަސްގަނޑުގައި ފިރުމާލައި މަޑުމަޑުން ދެފައި ދުރުކޮށްލީ މާޒިންއާ ނަޒަރު ސީދާކޮށްލައިގެން އިނދެއެވެ. ސިއްރު މެސެޖެއް އެ ދެމެދުގައި ބަދަލުކޮށްލީ ކަހަލައެވެ. ރާޔަން ދައްކަމުންދިޔަ ވާހަކަތަކަށް ޝާމާގެ ސަމާލުކަން ކުޑަވެފައި ވެއެވެ. ފޯނަށް ނޮޓިފިކޭޝަނެއް އައީ އެވަގުތެވެ. ޝާމާ ފޯނު ނަގައި ބަލާލިއެވެ. މެސެޖު ފެނިފައި ޝާމާގެ ނަޒަރު މާޒިންއަށް ހުއްޓުނެވެ. އޭނާ އިނީ ފޯނު ހިފަހައްޓާލައިގެންނެވެ.

“ކުލާސްތައް ނިންމާލާފައި މީޓުވާންވީނު؟.” މާޒިން ފޮނުވި މެސެޖުގައި އަހާފައި އޮތެވެ.

“ޝާމާ، ކޮންކަމަކަށް ގެއްލިފައި؟….” ސަމާލުކަން ނުލިބޭހެން ހީވެ ރާޔަން ގޮވާލިއެވެ. ނަމަވެސް ޝާމާ އިސްއޮބާލައިގެން އިނދެ ފޯނުން މާޒިންއަށް ޖަވާބެއް ލިޔުމުގައި ބިޒީވެފައި އިން ކަހަލައެވެ.

“ޔޫ ގެ ސިސްޓަރ ޝާއިނާއަކީ ކޮންކަހަލަ މީހެއް؟.” ރާޔަން ސުވާލުކުރިއެވެ. ކުއްލިއަކަށް ޝާމާގެ ވަށައިގެންވީ ހުރިހާކަމެއް ފަނޑުވެ ރާޔަންނޫން މީހަކު އެތަނުގައި ވެސް ނުވާހެން ހީވިއެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ރާޔަންއަށް ދެވިއްޖެއެވެ.

“ވަޓް…” ޤަބޫލުނުކުރެވިފައި އިނދެ ޝާމާއަށް ބުނެވުނެވެ. އެކަމަކު ރާޔަންއަށް ބަދަލުތަކެއް ނާދެއެވެ. އޭނާ ސައިބޮމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“މިއަދު އޮފީސް ކައިރިން ދިމާވީ، ހީވަނީ ރަޖިސްޓްރީވާން އައިސްހެން… ޝާމާކަމަށް އަހަރެން ހީކުރީ، އެކަމަކު އިސްތަށި ދިގުވެފައި އެއްވެސް ހައިލައިޓެއްނެތި އެއްކޮށް ކަޅުކޮށް ހުރީ. ހަނާއާ ދިމާވެގެން އެނގުނީ އެއީ ޝާމާގެ ޓުވިންސްކަން. އެކަމަކު އޭނާއަށްވުރެ ޝާމާ މާ ކިއުޓް.” ރާޔަން ހީނލިއެވެ. އެހެންވިޔަސް ޝާމާގެ މޫޑު ހަރާބުވި ކަހަލައެވެ.

ސައިބުއިމުގައި ޝާމާ އަވަސްކޮށްލިކަން ރާޔަންއަށް ފާހަގަވިއެވެ. އެނބުރި ކޮލެޖަށް ދިއުމަށް ޝާމާ މޭޒުދޮށުން ތެދުވުމުން ރާޔަން ވެސް ތެދުވީއެވެ. ޝާމާ ކުރީގައި ހުރެ ކެފޭއިން ނުކުތެވެ. ރާޔަންއަށް އެއްގޮތަކަށް ވެސް މިވީ ގޮތެއް ނޭނގުނެވެ. ޝާމާގެ ހިނގުން އަވަސްވުމުން އޭނާއާ އެއްވަރު ކުރުމަށް ރާޔަން ވެސް ހިނގުން ބާރުކޮށްލިއެވެ.

“ޝާމާ، ޔޫ ލުކް އަޕްސެޓް، ކަމެއްވީތަ؟، ހިތްހަމަނުޖެހޭ އެއްޗެކޭ ބުނެވުނީތަ؟.” ޝާމާގެ އަތުގައި ހިފައި ހުއްޓުވަން ބޭނުންވިޔަސް އަތްލަން ނުކެރި ހުރެ ރާޔަން ސުވާލުކުރިއެވެ.

“އެހެނެއްނޫން… އަހަރެންނަށް އެނގިފައެއްނެތް އޭނާ އެނބުރި ކޮލެޖަށް އައިކަމެއް.” ދުރުގައި ފޮރުވިފައިވާ މަންޒަރަކަށް ކަޅި ހުއްޓާލައިގެން ހުރި ފަދައިން ޝާމާ ބުނެލިއެވެ. އެގޮތުގައި އިރުކޮޅަކަށް ހިމޭންވެ ކުރިއަށް ހިނގަމުން އައިސްފައި މަޑުޖެހިލިއެވެ.

“އަހަރެން ހިތަށް މިއަރަނީ އޭނާ އަދިވެސް އަހަރެންނަށް ނަފުރަތުކުރޭބާއޭ. މިދިޔަ އަހަރު ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު.” ޝާމާ ބުނެލިއެވެ.

“މިދިޔައަހަރު ކިހިނެއްވީ؟.” ރާޔަން ވަގުތުން އެއްސެވެ. ޝާމާގެ މޫނުގައި އިހު ފެންނަން ހުރި ހަރުކަށިކަމެއްނެތެވެ. އޭގެ ބަދަލުގައި އެ ދެލޮލުގައިވީ މަޑުމޮޅިކަމެވެ.

“ނަތިންގް ސީރިއަސް، އޭރު އެކަން ވަރަށް ބޮޑު ކަމަކަށްވީ، އެކަމަކު މިހާރު… އެ ހުރިހާކަމެއްވަނީ މާޒީއަށްވެފައި، އަގުހުރި ވަގުތުތައް ބޭކާރުކޮށްލުމަށް އެވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް.” ޝާމާ ބުންޏެވެ. އެހެންވިޔަސް ރާޔަން ކަންބޮޑުވިއެވެ.

“އެހެންވިޔަސް މާޒީގައި ތި ދިމާވިކަމަކުން އަދިވެސް ޝާމާއަށް ހަމަޖެހުމެއްނުލިބޭކަން ތި މޫނުން އެބަފެނޭ.” ރާޔަން ބުނެލިއެވެ. ޝާމާ އިސްޖަހާލީއެވެ. އެމަންޒަރު ދުށުމަށް ރާޔަންއަށް ފަސޭހައެއްނުވިއެވެ.

“އަމިއްލަ އެދުމެއް އޮވެގެން އުޅެނީއޭ ޝާމާއަށް ހީވާކަށް އަހަރެން ބޭނުމެއްނޫން، ކޮންމެ މީހަކު ވެސް ކަންކަން ޚިއްސާކޮށް، ބަރޯސާވާނޭ މީހަކު ހުރުމަށް ބޭނުންވާނެ، ޝާމާއަށް އެފަދަ މީހަކަށް އަހަރެން ވެދޭނަން… ޝާމާއަށް އަހަންނާ ކޮންމެ ވާހަކައެއް ވެސް ޚިއްޞާ ކުރެވިދާނެ، އަހަރެން އަޑު އަހާނަން، ޝާމާގެ ހާސްކަން ދުރުކޮށްދޭން މަސައްކަތްކުރާނަން، އަހަރެން އެދެނީ ޝާމާ އެމީހަކަށް އިތުބާރުކުރާވަރު ގާތް މީހެއްގެ ގޮތުގައިވާން. ޔޫ ކޭން ޓްރަސްޓް މީ.” ރާޔަންގެ އަޑާއި އޭނާގެ ދެލޮލުން އެ ހާމަކުރި ބަސްތަކުގެ ތެދުކަން ފެންނަން ހުއްޓެވެ.

އެހެންވީރު… ރާޔަންއަށް އަހަރެން ކިޔައިދީފާނަން…” ޝާމާ މަޑުމަޑުން ބުނެލިއެވެ. އަދި ޝާމާ އެދުނީ ކޮލެޖަށް ގޮސް އިތުރު މީހެއްގެ އުނދަގޫ ނުޖެހި ވާހަކަދައްކާލަން ތިބެވޭނެ ހިސާބެއްގައި މަޑުކުރުމަށްފަހު ހުރިހާކަމެއްގެ ވާހަކަ ރާޔަންއަށް ކިޔާދޭނޭކަމެވެ.

* * * * *

“ހައު އިޒް ދެޓް އީވަން ޕޮސިބަލް، ދޭ އާ ފެމެލީ، އޭނާއަށް އެހެން ހަދަން ކެރުނުކަން.” ރާޔަން އިނީ ދެރަވެފައެވެ.

“ތިހުރިހާ ވާހަކައެއް ޝާމާ ކައިރީ ބުނެބަލަ، ކީއްކުރަންތަ އަހަރެން ކައިރިއަށް އައިސް ތިވާހަކަތައް ތިދައްކަނީ.” ހަނާ ބުންޏެވެ.

“އަހަރެން ހިތްހަމަނުޖެހިފަ ހުރިތަން ޝާމާއަށް ދައްކާކަށް ބޭނުމެއްނޫން. އަނެއްކާ އޭނާއާ މެދު އަހަރެން ހަމްދަރުދީވެގެން އުޅޭކަން ދައްކާކަށް ވެސް ބޭނުމެއްނޫން.” ރާޔަން މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލައި އަތުގައި ދަތްދޮޅި އަޅުވާލި ގޮތަށް ފިނިނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެތަނަށް އައީ ހަނާ އިންތަން ފެނިގެންނެވެ.

“ތީ އަބަދުވެސް ސީރިއަސްވެފަ ހުންނަ މީހެއް. ބުނެބަލަ، ޝާމާއަށް ފޯލްވީ އޭނާގެ ފުށުން ކޮންކަމެއް ފެނިގެން؟.” ހަނާ ކުރިއަށް ޖެހިލައި ސިއްރެއް އަހާލި ފަދައިން ނިކަން މަޑުން ބުންޏެވެ.

“ނޯވޭ… ހަނާ ކައިރީ… ނުބުނާނަން… އެކަހަލަ ވާހަކައެއް އަހަރެން ދައްކާނޭ ތީ އެންމެ ފަހު މީހާ. ސަތޭކަ ޕަސަންޓް ގެރެންޓީ، އަހަރެން ބުނުންކަން ލަސްވާނީ، ދިމާކުރަން ފަށާނެ.” ރާޔަންގެ ޠަބީޢަތް ކުއްލިއަކަށް ބަދަލުވި ކަހަލައެވެ. މާޔޫސްކަން ފިލައި ދިރުން އިތުރުވިހެން ހީވެއެވެ.

“އަހަރެން ހިތަށް އަރާ އަމްމު ކޮބާބާއޭ.” މާޒީގެ ހަނދާންތަކުގެ ތެރޭގައި އިނދެ ހަނާއަށް ބުނެވުނެވެ.

“އަމްމު، އެއީ ކާކު؟.” ރާޔަން އަހާލިއެވެ.

“އާމިލްއަކީ ޝާއިނާގެ އެކްސް، އޭނާ ޝާމާއަށް ވަރަށް ހެލްޕްވި އެކަންތައްގަނޑުގައި… ހުރިހާކަމެއް އެނގުނީމަ އާމިލް ބްރޭކްއަޕްވީ، އެކަމަކު އޭގެ ފަހުން ވަރަށް ނުފެނޭ… ފެނުނަސް އަނގައިންނެއްނުބުނޭ، ހީ ގޮޓް ރިއަލީ ކުއައޭޓް. ކުއްލިއަކަށް އޭނާ ވެސް ބަދަލުވީހެން ހީވީ، ކިއުރިއަސްވޭ އަސްލު އޭނާއަށް އައީ ބަދަލެއް ނޭނގޭތީ.” ހަނދާންކުރަމުން ހަނާ ވާހަކަދެއްކިއެވެ.

* * * * *

ކޮލެޖުން ނުކުމެ މާޒިން ބުނި ގޯޅިގަނޑުގައި ޝާމާ މަޑުކުރިއެވެ. އޭރު އޭނާގެ ފަހަތުން މީހަކު އަންނަކަމެއް ނުދެނަހުއްޓެވެ. އޭނާއާ ދިމާއަށް އަންނަ އާމިލް ފެނުނީ ފާރުކައިރިއަށް ޖެހިލައި މަގުގެ ދެކޮޅު ބަލާލި ވަގުތެވެ.

“ލެޓްސް ޓޯކް…” ޝާމާގެ ގާތުގައި މަޑުކޮށްލުމާއެކު އާމިލް ބުންޏެވެ.

“މިވީ މަސްތަކުގެ ތެރޭ ޝާމާ ފާޑަކަށް އުޅޭކަން އަހަންނަށް އޮތީ ފާހަގަވެފައި.” ޝާމާ އަނގައިން ނުބުނުމުން އާމިލް ވާހަކަދެއްކިއެވެ.

“އަހަރެން ނުބުނަންތަ ކޮލެޖު ކައިރިއަށް ނާންނާށޭ.” ޝާމާ ބުންޏެވެ.

“އައި ސެޑް… ލެޓްސް ޓޯކް…” ޝާމާގެ އަތުގައި ހިފާ ބާރުކޮށްލަމުން އާމިލް ބުންޏެވެ.

“ދޮންތި ކައިރީ ވެސް ތިހެން ގަދަބާރު ދައްކައިގެންތަ އުޅުނީ؟.” އަސަރެއްނެތް ގޮތަކަށް އާމިލްއަށް ބަލާލަމުން ޝާމާ ބުންޏެވެ. އާމިލްއަށް ދަތްކުނޑިވިކާލެވުނެވެ.

“ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ. މެސެޖަކަށް ވެސް ޖަވާބެއް ނުދެމެންނު. މިއަދު ވެސް އަހަރެން ދުށީމޭ ފިރިހެން ގޮލައަކާ އެކީ ކެފޭއަށް ވަންތަން… އަހަރެން ނުފެނިއެއްނުހުންނާނެ… އެކަމަކު ވަދެގެން ދިޔައީނު، ކެމްޕަސް ތެރޭ އެކި ފިރިހެނުންނާއެކު ފްލާޓްކުރުން ކަމަކީ، އަހަންނަށް ނޭނގޭނެ ކަމަށްތަ؟.” ޝާމާގެ ހިކަނދި މަސްގަނޑު ހިފައި ގާތަށް ދަމާލުމާއެކު އެ ދެ ލޮލަށް ބަލަން ހުރެ އާމިލް ބުންޏެވެ.

“ސްޓޮޕް އިޓް… މަގުމައްޗޭ މީ…” ޝާމާގެ މޫނާ އާމިލް ކައިރިވެލުމާއެކު ނިކަން އަވަހަށް ބުންޏެވެ.

“މިކަހަލަ ފަޅުކޮށް އޮންނަ އަނދިރި ގޯޅިތަކަށް ވަދެ ކުރިއަކުން ހުއްޓާކަށް ނުބުނޭ، ކަލޭ ނުލާހިކު ބޭނުންވެފަ ހުންނަނީ… އަނެއްކާ ކަލޭގެ ދައްތައަށް ވެގެން އަހަރެން ކާފަރުކުރުމަކީ ކަލޭ ކުރާހިތުން ކުރާކަމެއް. އަހަރެމެން ދޭތެރޭ ހިނގި ހުރިހާ ކަމަކަށްފަހު ކަލޭ ތިއުޅެނީ…”

“އޭ… މީ މަގުމައްޗޭ، އަހަރެން ކައިރީ ކެމްޕަސްތެރޭ ކަންކަން ނުކުރާށޭ ގައިމު ބުނި، އެތަނުގަވިއްޔާ އަދި މީހަކަށް ނުވެސް ފެންނާނެ.” މާޒިން ބުންޏެވެ. ޖީބުގައި އޮތް ފޯނުން އަލިކޮށްލިއެވެ.

ބުނަން އުޅުނު ވާހަކަ ފުރިހަމަނުކޮށް ޝާމާއާ ދުރަށް އާމިލް ޖެހިލީ ނިކަން އަވަހަށެވެ. ޝާމާއަށް މާޒިން ގޮވާލިއެވެ. އެއާއެކު އާމިލް އެންގީ އެ ދެމެދުގައި ހިނގަނީ އޭނާއާ ބެހޭ ކަމެއް ނޫންކަމެވެ.

“އަހަރެން ދާނީ، އަހަންނާއެކު ޝާމާ ގޮވައިގެން.” މާޒިން ބުނެލިއެވެ. އެހިނދު އާމިލް ކުރިއަށް ޖެހިލިއެވެ.

“ހެ ހެ ހެ… ކަލޭ ވެސް ތީ ޕަރުވާނާއެއްހެން ޝާމާގެ ވަށައިގެން އެނބުރޭ ފިރިހެނެއްހެން ހީވަނީ. ހޭވް ޔޫ ސްލެޕްޓް ވިތް ހާ؟.” މާޒިންގެ ކުރިމަތީ ހުއްޓި އާމިލް ވާހަކަދެއްކިއެވެ. މާޒިން ބަލަން ހުރީ ކަހާތަންހިރުވައިވެސްނުލާ ފަދައިންނެވެ. އާމިލް ރުޅި އަންނަ ގޮތްވިއެވެ.

“ޓެލް މީ…” ތަންކޮޅެއް ބާރަށް އާމިލް ބުންޏެވެ.

“އާމިލް… ޔޫ ފަ** ލޫޒާ…” މާޒިން ބުންޏެވެ. މިފަހަރު އާމިލްއަށް ލިބުނީ ހައިރާންކަމެވެ. މާޒިންއަށް އޭނާގެ ނަން އެނގުނުގޮތެއް ނޭނގުނެވެ. ކުރިން ފެނިފައި ހުރިހެން އާމިލްއަށް ހީވީ ދެނެވެ. އެކަމަކު ހަނދާނަކަށް ނައެވެ.

“ތީ ކާކު؟.” އާމިލް އާދައިގެ ރާގެއްގައި އެއްސެވެ. މާޒިން ޖަހާލީ ހިނިގަނޑެކެވެ.

“ގުރޭޑު އަށަކުން ކަލޭ ބުލީކުރި މާޒިން.” އަޑަށް ބާރުލައި މާޒިން ބުނެލިއެވެ.

“ކަލޭގެ ރަނޑުކަމުން އެންމެން ދިމާކުރީ، ކަޓް ދި ބުލްޝިޓް، މިތަނުން ރައްކާވާން އުޅޭ.” ހިނދިގެންދިޔަ ރުޅި އެނބުރި އައި ފަދައިން އާމިލް ބުންޏެވެ.

“ބުނެފީމެންނު ޝާމާ ގޮވައިގެންނޭ ދާނީ. ކަލޭ މިހާރު މަގުމަތިން އަންހެންކުދީންނާ ވެސް ދިމާކުރަން ފެށީތަ؟. ނުވީތަ އެކުގައި އުޅެލާނޭ އަންހެންކުއްޖަކު.” މާޒިންގެ އަޑުގައި ހުރީ މަލާމާތެވެ.

“ޝަޓް އަޕް ޔޫ ފަ*” އާމިލް މުއްކަވާލި އަތް ހޫރާލީ މާޒިންގެ އަނގަމައްޗާ ދިމާއަށެވެ. ނަމަވެސް ހުސިޔާރުކަމާއެކު މާޒިން ރެކިލުމާއެކު ދިން ހަމަލާއިން އާމިލްގެ އަނގަމަތި ފަޅައިގެން ދިޔައެވެ.

“އަބަދަކު އެންމެން އެއްގޮތެއްނުވާނެ އިނގޭ. ކަލޭ ނުފުއްޕާ ގޭގަ އޮވެގެން އަތުން ނިންމާލާ.” މާޒިން ބުންޏެވެ. އަދި ޝާމާގެ ގާތަށް ގޮސް އޭނާގެ ކޮނޑުގައި އަތްއަޅުވާލައިގެން ހުރެ ދެމީހުން ގޮސް އާމިލްގެ ލޯމައްޗަށް އޮބާލައިފިއެވެ.

ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަހެން ހީވެގެން އަތުން އަނގަމަތި ފުހެލައި އާމިލް ވެސް ހިނގައިގަތެވެ. ސައިކަލު ޕާކުކޮށްފައި ހުރި ހިސާބަށް އައިސް ސައިކަލަށް އަރާ އިރުކޮޅަކު ވިސްނަން އޭނާއަށް އިނދެވުނެވެ. ދެން ތަޅުދަނޑި ޖަހާލުމާއެކު ސައިކަލު އިސްޓާޓުކޮށްލައި ފަހަތަށް ޖަހާލުމާއެކު އޭނާގެ ގެއަށް ދިއުމަށް ދުއްވާލައިފިއެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *