DHEBEENUN [EP-10]

ފޯނަށް އައި ނޮޓިފިކޭޝަންގެ އަޑުން ބާލީސް ކައިރީ އޮތް ފޯނު ޝާއިނާ ނެގިއެވެ. ދަންވަރު އެކެއްޖަހައި ހިނގައްޖެއެވެ. އެވަގުތަކީ ކުރިން އޭނާއަށް މެސެޖު ލިބޭ ވަގުތަކަށް ވިޔަސް މިހާރު އެ ފޯނު ވެސް އޭނާ ފަދައިން އޮންނަނީ ހިމޭންވެފައެވެ. އަރިއަކަށް އެނބުރިލައި ފޯނު ހުޅުވާލިއެވެ. ވައިބަރ މެދުވެރިކޮށް އައި މެސެޖު ހުޅުވާލީ އާމިލް ފޮނުވީމައެވެ. ހުއްޓުން އެރިގޮތަށް އިރުކޮޅަކު ޝާއިނާ އޮތެވެ. ދެން ފެނުނީ ފޯނު އެއްލާލި ތަނެވެ. މީހާ ގުޅަވެގަނެ ބާލީހުގެ ކަނުގައ ހިފައި ގެނެސް މޫނުގައި އަޅައި ބާރަށް ޝާއިނާ ހަޅޭލަވައިގަތެވެ.

“ނޫން!… ނޫން!…” ޝާއިނާއަށް ތަކުރާރުކޮށް ކިޔުނެވެ. އެ ދެ ލޮލުން ހިފެހެއްޓުމެނެތް ކަރުނައިގެ ސައިލެއް އުފެދިފައިވިއެވެ. ހިތުގެ ހުރިހާ ނާރެއް ބުރިބުރިވަމުންދާހެން އޭނާއަށް އިޚްސާސްވަމުންދިޔައެވެ. ވޭން އަޅަނީ ހަށިގަނޑުގެ ކޮންތާކުކަމެއް ނޭނގުނެވެ. އަޑުންއަޑުނަގާ އޭނާ ރޮނީއެވެ. ކެތްނުކުރެވޭނެއޭ އަމިއްލަ ނަފްސަށް ވެސް ބުނަމުންނެވެ.

އޭނާ އާމިލްއަށް ހަދިޔާކުރީ އަމިއްލަ މިލްކުގައިވި އެންމެ އަގުހުރި މުދަލެވެ. އަންހެނާއަށް ޖަވާހިރަކަށްވުރެ ވެސް އަގުހުރި އެއްޗަކީ އޭނާގެ އިއްފަތްތެރިކަމެވެ. ކައިވެނިން ބޭރުގައި ހަށިގަނޑު ހަދިޔާކުރުމަކީ ހެދޭ ގޯހެއްކަން ވެސް ޝާއިނާއަށް އެނގެއެވެ. އެހެންވިޔަސް އާމިލްއަށް ޓަކައި އެ ހަށިގަނޑު ގުރުބާންކުރީ ނުހަނު އިތުބާރުކޮށްފައެވެ. އެކުގައި ޒަވާޖީ ހަޔާތެއް، ކޮންމެވެސް ދުވަހަކުން ފެށުމުގެ ހުވަފެން ދެކެމުންނެވެ. ލޯބީގެ ގޮތުން އާމިލްއާ ގުޅުނީ ދުވަހަކުވެސް ވަކިވުމުގެ ޚިޔާލެއް ފިކުރެއްނެތިއެވެ. އެކަމަކު މިއަދު އޭނާވަރުގެ މޮޔަ އަންހެންކުއްޖަކު ދުނިޔޭގައި ވެސް ނުހުންނާނޭ ޝާއިނާއަށް ހީކުރެވުނެވެ. ގާތްމީހުންކަމުގައި ދުށް އެންމެންނަކީ އޭނާއަށް ހެޔޮ އެދުނު ބައެއްކަމުގައި ނުވިއެވެ. މިއަދު އޭނާގެ ހާލު ބަލާލާނޭ ހަމައެކަކު ވެސް ނެތީއެވެ. ބޭރުފުށުގެ އަނިޔާއަކާއި ނުލާ ވެސް ޝާއިނާއަށް ގަދަފަދަ ވޭން ތަޙައްމުލުކުރަން ޖެހިފައިވާ ކަހަލައެވެ.

* * * * *

ހުޅުލެއިން މާލެއައުމާ ދޭތެރޭ ނަސީމާގެ ފޯނު ޒީނިޔާގެ ކަންފަތާ ދުރުކޮށެއްނުލައެވެ. ދަރިފުޅަށް ބަލަން އިން ނަސީމާއަށް އެއްޗެއް ވިސްނިގެން ވާހަކަދެއްކިއެވެ.

“ޝާއިނާ ބިޒީކަމަށް ވާނީ.” ނަސީމާ ބުންޏެވެ.

“އަޅުގަނޑު އަންނަން އުޅޭކަން އިނާ ގާތު ބުނިން.” މަންމައަށް ފޯނު ދިއްކޮށްލަމުން ޒީނިޔާ ބުންޏެވެ. އޭނާ އެއިނީ މާޔޫސްވެފައިކަން ގައިމެވެ. އެކަމަކު އެއަށްވުރެ އޭނާގެ ސިކުނޑިއާއި ހިތުގައި އުފެދިފައިވާ ސުވާލުތައް ގިނައެވެ. ޝާއިނާއަށް ކަމެއްވެއްޖެއޭ އޭނާގެ ހިތް ބުނަނީއެވެ. އޭނާ ފޮނުވާ މެއިލްތަކަށް ޝާއިނާގެ ޖަވާބެއް ނުލިބެއެވެ. އެކައްޗަކަށް ނުވަނަސް ސްނެޕްޗެޓާއި އިންސްޓަގްރާމް ޝާއިނާ ބަލާނޭކަން ޒީނިޔާއަށް ޔަގީންވެއެވެ. އެކަމަކު އެއިން އެއްޗަކުން ވެސް ޝާއިނާގެ ޚަބަރެއް ޒީނިޔާއަށް ނުވިއެވެ. ރައްދު ލިބޭތޯ މެސެޖު ކުރެވުނު އަދަދު ވެސް ނޭނގެއެވެ. ޝާއިނާގެ ފޭސްބުކް އައިޑީ ވެސް ހުރީ ޑީއެކްޓިވޭޓްކޮށްފައެވެ. އެކުވެރިޔާއަށް ވީގޮތެއް އެނގޭނެ ހަމައެކަނި މަގަކީ އެގެއަށް ދިއުންކަން ޒީނިޔާއަށް ވިސްނުނެވެ. ނިއްވާލާފައި އޮންނަ ފޯނަކަށް ކިތަންމެ ވަރަކަށް ގުޅިޔަސް ޝާއިނާގެ ޖަވާބެއް ނުލިބޭނޭކަން ޒީނިޔާއަށް ވިސްނެއެވެ.

* * * * *

ވިލާމަތިންވިލާލައި އުޑުމަތިވަނީ ބައްދާލާފައެވެ. މުޅި ދުވަހު ކަހަލަ ގޮތަކަށް ވާރޭ ވެހުމުގެ ސަބަބުން ފަޒާގައިވަނީ ތެތްފިނިކަން ހިފާފައެވެ. ކެރިކަޑައިގެން ގޮސްފައި އޮތް ވަގުތަށްވެފައި ދެ ޖިންސުގެ ޒުވާނުން ކުލާސްތަކުގައި ބައިވެރިވުމަށް ކޮލެޖުގެ ގޭޓުން ވަންނަމުންދިޔައެވެ.

“އޭ!… މަޑުކޮށްބަލަ ޖިއާން!… ބަލާބާ!… އަހަރެންގެ ކޮނޑުމައްޗަށް އެ ވެއްޓުނީ، ބުނޭ ދޯ!، ދޮންފަތަކުން ޖެހިއްޖެއްޔާ އާ ހެދުމެއް ލިބޭނޭ.” ކޮނޑުމަތިން ވެއްޓެން އައި ދޮންފަތް ނަގަމުން ހަނާ ވާހަކަދެއްކިއެވެ.

“ފަހު ސެމް ވެސް ނިމުމަކަށް އަންނަނީ… ހީވެސް ނުވޭ ދޯ. ހާދައަވަހޭ ދުވަސްތައް އަރައިގެންދިޔަލެއް.” ހަށިފުރާ ނޭވާއެއް ލަމުން ދެން ވެސް ވާހަކަދެއްކީ ހަނާއެވެ. ޖިއާންއަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް ހަނާ ދައްކާލީ އެމީހުންނާ ދިމާއަށް އަންނަ ޝާމާއެވެ.

“ދޮންފަތެއް ވެއްޓުނީތަ؟. ތިއުޅެނީ އާ ހެދުމެއް ލިބެން އިނގޭ.” ހިނިތުންވުމަކާއެކު ޝާމާ ބުނެލީ ހަނާގެ އަތުގައި އޮތް ދޮންފަތް ފެނިގެންނެވެ.

“އާ ހެދުމެއް ލިބިގެން އޭނާ އުފަލެއްނުވާނެ، އެވެސް އާ ބޯއިފްރެންޑެއްނަމަތާ.” ޖިއާން ދިމާކޮށްލިއެވެ.

“ތިއެއްނޫނޭ… ޝާމާގެ ދައްތަގެ ހާލަކީ ކޮބާތަ؟.” ހަނާ އަހާލިއެވެ.

“އެކަހަލަ ގޮތެއް.” މާބޮޑު ފަރުވާލެއްނެތް ގޮތަކަށް ޝާމާ ބުނެލިއެވެ.

* * * * *

ޝާއިނާ ކިޔެވުން ހުއްޓާލައި ގޭގައި އަމިއްލައަށް ބަންދުވެގެން އުޅޭތާ އަހަރެއްވާން ކައިރިވަނީއެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. ޝާއިނާގެ އެ ހިމޭންކަމުން ޝާމާއަށްވީ ފައިދާއެވެ. އޭނާއާއި އާމިލްއާ ދެމެދު އޮތް ގުޅުން ގާތްވެއްޖެއެވެ. ދެމީހުން ބައްދަލުވާލެއް ގިނައެވެ. އެގޮތުން މާލޭގެ ގެސްޓްހައުސްއަކުން އާމިލްއާ ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށްފަހު ނުކުތްވަގުތެވެ.

“މިހެން ކިހާ ދުވަހަކުތަ އުޅެން ޖެހޭނީ.” ޕާކުކޮށްފައި ހުރި ސައިކަލާ ދިމާއަށް ޝާމާއާއެކު އައި އާމިލް ބުންޏެވެ.

“ޕްލީޒް ސްޓޮޕް އަމްމު… އައި ލައިކް އިޓް ދިސްވޭ.” އާމިލްގެ މުލައްދަނޑީގައި ހިފާލައި ހުއްޓުވަމުން ޝާމާ ބުންޏެވެ. އާމިލްއަށް “އަމްމު”ގެ ނަމުން މުޚާޠިބުކުރާތީ ވެސް ފުރަތަމަ ޝާމާ އެހީ ޝާއިނާގެ ދުލުންނެވެ. އެކަމަކު އެނަން ކިޔުމުގެ ހައްޤު މިހާރު ލިބިފައިވަނީ ޝާމާއަށެވެ.

“ދޮންތީއަށް މިކަންތައްގަނޑު އެނގުނީމަ ވާނީ ކިހިނެއް؟. އިހަށް ދުވަސްކޮޅަކަށް އަދި މަޑުކޮށްލަބާ.” ޝާމާ ބުންޏެވެ. އާމިލްއަށް ދެކޮޅެއް ނުހެދުނެވެ. އޭނާ ބޯޖަހާލީ އެއްބަސްވެގެންނެވެ. ޝާމާ އެއްގޮތަކަށް ވެސް ބޭރުތެރޭ ފާޅުކޮށް އާމިލްއާއެކު އުޅޭން ބޭނުމެއްނުވެއެވެ. އެހެންވެ މިފަހަރު ވެސް އޭނާ ދިޔައީ އާމިލްއާ ވަކިންނެވެ. ހިނގާލާފައެވެ.

މަޑު ހިނގުމުގައި ވަކި ހިސާބަކަށް އައިސް ޝާމާ ހުއްޓުނެވެ. މަގުގެ ދެފަރާތަށް ބެލުމުގައި ވަގުތުކޮޅަކަށް އޭނާ މަޑުކޮށްގެން ހުއްޓެވެ. ދެން އަތްދަބަހުން ފޯނު ނަގައި ޓެކްސީއަކަށް ގުޅިއެވެ. އެއަށްފަހު މަންމައަށް ގުޅިއެވެ. ކޮލެޖުގައި އުޅޭ ކުދީންނާއެކު ކަމެއް ރާވާފައި އޮތުމުން ލަސްވާނޭކަމުގައި ޝާމާ އޮތީ ކުރިން ބުނެފައެވެ. އެހެންވިޔަސް މަންމައަށް ހަނދާންކޮށްލަދިނީއެވެ.

މައިންބަފައިންގެ ދުލުކުރީގައިވާ ނަމަކީ ޝާމާގެ ނަންކަމުގައިވެއްޖެއެވެ. އެމީހުންގެ ރުހުމާއި އިތުބާރުވަނީ ވަރަށް ފުރިހަމައަށް ޝާމާ ހޯދާފައެވެ. ނޭނގެނީ ހުރިހާ ކަމަކީ އެމީހުންގެ ލޮލުގައި ހަގު ދަރިފުޅު އަޅުވަމުން އައި އަނދުނެއްކަމެވެ. އެމީހުންނަކީ މުޖުތަމަޢުގެ ތަހުޒީބަށް ލޯހުޅުވިފައި ތިބި ތަޢުލީމީ މައިންބަފައިންނެވެ. ކޮންމެވެސް ވަރެއްގެ އިތުބާރަކާއި މިނިވަންކަމެއް ދަރީންނަށް އޮންނަންޖެހޭނެ ކަމުގައި އެ މައިންބަފައިން ޤަބޫލުކުރެއެވެ. އެއީ އެމީހުންނަށް ހެދުނު ގޯހެއް ހެއްޔެވެ؟. ދަރީން ގެންގުޅޭން ޖެހޭނީ ގޭތެރޭގައި ބަންދުކޮށްގެން ހެއްޔެވެ؟. މައިންބަފައިން ވާން ޖެހޭނީ އެމީހުންގެ ހިޔަނިހެން، ދަރީންގެ ކޮންމެ ކަމަކަށް ފާރަލައިގެން ހުންނަ ހަށިފާރަވެރިއަކަށް ހެއްޔެވެ؟. އޭރުން އެކުދީން ދޮގު ހެދުން ހުއްޓާލާފާނޭ ހެއްޔެވެ؟. މައިންބަފައިންނަށް އޮޅުވާލައިގެން ސިއްރު ކަންކަން ކުރުން ހުއްޓާލާނޭ ހެއްޔެވެ؟. ނަހަމަ ގުޅުންތަކުން އެއްކިބާވެ އެމީހުންގެ ހަށިގަނޑުތައް ކައިވެންޏާ ހަމައަށް ރައްކާތެރިކުރާނޭ ބަޔަކަށް ވާނޭ ހެއްޔެވެ؟. ނޫނީ ނުބައި ގޮތް ޚިޔާރުކޮށް ދަރީން މަގުގެއްލެނީ އެމީހުން އަމިއްލައަށްބާއެވެ؟.

މަޑުކޮށްލި ޓެކްސީގެ ފަހަތު ސީޓަށް ޝާމާ އެރިއެވެ. ދާންވީ މަންޒިލް ކަމުގައި ޑްރައިވަރު ގާތު ބުނީ ހުޅުމާލޭގެ މަޝްހޫރު ސިނަމާއަށެވެ. ދަތުރު ނިމުމަކަށް އަންނަންވާއިރަށް ޝާމާ އަތްދަބަހުން ނެގި ލޯގަނޑުކޮޅުން މޫނު ބަލާލިއެވެ. މޭކަޕް ރަނގަޅުތޯއެވެ. މޫނުގައި އައިބެއްނެތް ނަމަވެސް އަތްދަބަހުން ފައުންޑޭޝަން ފުށްދަޅުނެގިއެވެ. އޭގައި އޮތް އިސްޕޮންޖުކޮޅުން ނިތްކުރިއާއި ދެ ކޯތާފަތުގައި ޖައްސާލައި އޮބާލިއެވެ. ކާރު ހުއްޓުމަކަށް އައުމުން ފައިސާ ދީފައި ކޮނޑުގައި އަތްދަބަސް އަޅުވާލަމުން ޝާމާ ފޭބިއެވެ. ސިނަމާ ދޮށުގައި ދެޖިންސުގެ އެކިފުރާގެ މީހުން ހޭލަމޭލަވެ އުޅެއެވެ. މީހުންތަކުގެ ތެރެއިން ޝާމާގެ ނަޒަރު ހޯދި ޒުވާނާ ފެނުމުން ކުރިއަށް ހިނގައިގަތެވެ. ޕޮޕްކޯނު ދެ ތަށްޓާއި ކޯކުފުޅިތައް ހިފައިގެން އެއްފަރާތުގައި ހުރި ރާޔަންއަށް ޝާމާ ފެނުނީ ދެނެވެ.

“ހާއި!… ތިއައީ ދޯ…” ޝާމާ އައިސް ހުއްޓިލުމުން ރާޔަން ބުނެލިއެވެ.

“ވަރަށް ގިނައިރުވެއްޖެތަ ހުންނަތާ؟.” ޝާމާ އަހާލިއެވެ.

“އެހާއިރެއްނުވޭ… ޓައިމަށް ތިއައީ.” ރާޔަން އަވަސްއަރުވާލަފައި ބުންޏެވެ.

“އަހަރެން ބުނީމެންނު އޭނާ ބިޓަކަށް އިންތިޒާރުކުރަނީއޭ…” ރާޔަން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ތިބި ދެ އަންހެންކުދީންގެ ތެރެއިން އެއްކުއްޖަކު ބުނެލި އަޑު އިވުނެވެ.

“އޭނާ އައިތާ ބައިގަޑިއިރުވަނީ، ބޭރުގަ އެތައް އިރަކު ހުރެފަ މިތަނަށްވަނީ… އެކަމަކު އޭނާ ދިން ޖަވާބު އަޑުއެހިންތަ؟. އޭނާގެ ސީރިއަސް ގާލްފްރެންޑް ކަންނޭނގެ ދޯ. އެހެންވިޔަސް އޭނާ ހާދަ ސަޅިއޭ. ނޫންތަ؟.” ދެން ހުރި އަންހެންކުއްޖާ ބުންޏެވެ.

އެމީހުންނަށް ބަލާލައި ޝާމާ ހިނިތުންވެލިއެވެ. ދެން ފެނުނީ އެމީހުންނަށް ދައްކަން އުޅޭ ފަދައިން ރާޔަންގެ އަތުގައި ހިފައިލައި ތިއޭޓާ ތެރެއަށް ވަންނަން ހިނގައިގަތްތަނެވެ.

“އަހަރެން އޮންލައިން ބުކިން ހެދީ، މިވަގުތު އަޅުވާފައި އޮތް ފިލްމުތަކުން އަހަންނަށް އެންމެ ކަމުދާ ފިލްމު މީ. ސޮރީ އިނގޭ މިހާ ލަސްގަޑިއެއްގަ ޓިކެޓު ހަމަޖެހުނީމަ. އަހަރެން ބެލިން ކެންސަލް ޓިކެޓެއް ވެސް ލިބޭތޯ. ނޭނގެ ޝާމާއަށް މިފިލްމު ކަމުދާނެކަމެއް… އެކްޝަން ފިލްމެއް… ބަލާބާ، މީނީ ފޯސްޓާ…” ރާޔަންގެ ފޯނުން ފިލްމުގެ ރިވިއުއެއް ދައްކާލިއެވެ.

އެތެރެއަށް ވަނުމުގެ ކުރީން ފިލްމުގެ ރިވިއު ކިޔާލުމަށް ޝާމާ މަޑުކޮށްލިއެވެ. ރާޔަންއަށް ހަމަބެލެނީ ޝާމާގެ މޫނަށެވެ. ހިތްއަވަސްވެފައި ހުރި ކަހަލައެވެ. އަންހެންކުއްޖެއް ގޮވައިގެން އޭނާ ބޭރަށް ނުކުތް ފުރަތަމަ ފަހަރެވެ. ޝާމާ ކަހަލަ ރީތި ކުއްޖަކު އޭނާގެ ހުށަހެޅުން ޤަބޫލުކޮށްފާނޭ ކަމަކަށް ރާޔަން ހިޔެއްނުކުރެއެވެ. ޢާއްމު ދިރިއުޅުމުގައި ރާޔަންއަކީ މަޑުމައިތުރު ބަސްމަދުވެފައި ކަންކަމާ ފަސްޖެހޭ ޒުވާނެކެވެ. ފިރިހެނުންގެ ތެރޭ ނަގާކިޔެއްކަމަކު އަންހެންކުދީންގެ ކަންކަމުގައި އޭނާ ނިކަން ލަދުރަތްކެވެ.

“ކީއްވެ ތިބަލަނީ؟. އެއްޗެއް ހުރީތަ؟.” ރާޔަންގެ ފޯނު އަނބުރާ އޭނާއަށް ދިއްކޮށްލަމުން ޝާމާ ބުންޏެވެ. ވަގުތުން ރާޔަންގެ މޫނުން އޭނާ ރަކިވެއްޖެކަން ފާޅުވިއެވެ.

“ޝާމާ… ވަރަށް ރީތި މިރޭ.” އަތުގައި ހުރި ޕޮޕްކޯން ތަށިތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ރާޔަން ބުންޏެވެ. ޝާމާގެ ލުއި ހީނލުމުގެ އަޑު އިވުނެވެ. އޭނާ އެދުނީ ފިލްމު ފަށަންވާއިރަށް އެތެރެއަށް ވަންނާށެވެ.

“އަހަރެން ބުނަން ބޭނުންވެފަ ހުރީ… އޭރުއްސުރެ އަހަރެން ލައިކްވާކަން…” ނުކެރިފައިހުރެ ރާޔަން ވާހަކަދެއްކީ ނިކަން މަޑުންނެވެ.

“ކީކޭ؟…” ޝާމާ ކުރިއަށް ޖެހިލިއެވެ. ރާޔަން ސިހޭގޮތްވިއެވެ. އެއްޗެކޭ ނޫނޭ ބުނެ ތިއޭޓާއަށް މީހުން ވައްދަމުން ދިޔަ ދިމާއަށް އައެވެ.

އެތެރެއަށް ވަދެ ގޮނޑީގައި ހަމަޖެހިލި ވަގުތު ބޮޑު އިސްކުރީނުން ފޯނުތަކުގެ ރަނގަބީލުގެ އަޑު ކަނޑާލުމަށް އެރިއެވެ. ޝާމާގެ ފޯނަށް މެސެޖެއް އައިކަމުގެ ހިލަންވީ އެވަގުތެވެ. ރާޔަން ދިއްކޮށްލި ޕޮޕްކޯން ތަށި އުނގަށްލަމުން އަތްދަބަހުން ފޯނު ނަގައި ޝާމާ ބަލާލިއެވެ.

“މިރޭ ބައްދަލުވެދާނެތަ؟.” މެސެޖުގައި އޮތެވެ.

“ކާކު؟.” ޝާމާ މެސެޖެއް ލިޔެ ފޮނުވާލުމާއެކު ނިކަން އަވަހަށް ދަބަހަށް ފޯނު ލުމުން ރާޔަން އަހާލިއެވެ.

“އެއީ ސީކްރެޓްއެއް…” ހީނލަމުން ޝާމާ އެއްލޯ މަރާލިއެވެ. އެ ހިނިތުންވުން ރާޔަންގެ ހިތުގެ ހިނގުން އިހުނަށްވުރެ ވެސް އަވަސްކުރުވައިފިއެވެ. ހިންދިރުވާލަމުން އޭނާގެ ނަޒަރު އިސްކުރީނަށް ހުއްޓާލީ ގަދަކަމުންނެވެ. ފަށަން އުޅޭ ފިލްމަށްވުރެ ރާޔަންއަށް ޝާމާ މާ ޝައުގުވެރިއެވެ. އެ ރީތިކަމަށް ބަލާ ފޫއްސެއްނުވެއެވެ.

“ކޮންއިރަކު އަހަންނަށް މިހެން ފީލްވާން ފެށީ…” އަމިއްލަ ހިތާ ރާޔަން ސުވާލުކޮށްލިއެވެ.

އޭނާއަށް ޝާމާ ޚާއްޞަވާންފެށީ ކޮންއިރަކުބާއެވެ. އޭނާއަށް ފުރަތަމަ ޝާމާއާ ބައްދަލުވީ ކޮލެޖުންނެވެ. އެ ދުވަހު ކެމްޕަސްއަށް ވަދެވުނުއިރު ވެސް މެޗު ފަށަން ކައިރިވެއްޖެއެވެ. އާޓްސް ދަރިވަރުންގެ ވޮލީ މުބާރާތް އޮތީ ކޮންތާކުކަން އަހާލަން ރާޔަން ހަނދާނެއްނެތެވެ. ޝާމާއާ ބައްދަލުވީ ދަރިވަރުންގެ ޖަމިއްޔާ ހިންގާ އޮފީހަށް ދާން ރާޔަން އުޅެނިކޮށެވެ. އޭނާގެ ނިތްކުރީގައި އައްސާލެވިފައިވާ ރިބަންކޮޅުން އެއީ ސަޕޯޓުކުރަން އައިސް އުޅޭ ކުއްޖެއްކަން ޔަގީންވިއެވެ. ރާޔަން ވާހަކަދެއްކުމުގެ ކުރީން އެ އަންހެންކުއްޖާ އޭނާއާ ވާހަކަދެއްކިއެވެ. އެއީ މީގެ އަހަރެއް ކުރިންނެވެ. އޭގެ ފަހުން ދެމީހުން ބައްދަލެއްނުވެއެވެ. އޭރު ކިޔަވަމުން އައި ކޯސް ނިމުމުން އެ ކޮލެޖު ދޫކޮށްލީ ޝާމާއާ ބައްދަލުވުމުގެ އުންމީދުގައި އެ އަންހެންކުއްޖާ ކިޔަވާ ކޮލެޖުން އިތުރަށް ކިޔެވުމަށެވެ. އެއްއިމާރާތުގައި ކިޔަވަމުންދާއިރު ވެސް ރާޔަން ގަސްދުކުރީ ދުރުން އެ އަންހެންކުއްޖާއަށް ބެލުމަށެވެ. އޭނާ ކޮލެޖަށް ވަންތާ ވެސް އަދި ގިނަދުވަހެއް ވީކީ ނޫނެވެ.

“އެދުވަހުގެ މަތިން ޝާމާ މިހާރު ހަނދާނެއް ވެސް ނުހުންނާނެ…” ރާޔަންގެ ހިތަށް އެރިއެވެ.

ޕޮޕްކޯނު ތަށިން ޕޮޕްކޯނު ކޮޅެއް ނަގައި އަނގަޔަށް ލަމުން ޝާމާ ހިނިތުންވެލިއެވެ. ލޮލުގެ ހިމަކޮޅުން އޭނާއަށް ސިއްރު ބެލުންތައް ރާޔަން ދޭކަން ދެނަހުއްޓެވެ. މިއަދު އޭނާގެ އަމިއްލަ ނަފްސާމެދު ޝާމާ ފަޚުރުވެރިވާ ކަހަލައެވެ. ދައްތަގެ ކޮންމެ އެއްޗެއް އޭނާ ބޭނުންވިއިރު، ހުރިހާ އެއްޗެއް މިލްކު ކުރެވިއްޖެކަން އެނގެއެވެ. އޭގެ އިތުރަށް ހަމައެކަނި ޝާމާގެ މިލްކުގައި ހިމެނޭ ކަންކަން ވެސް މިއަދު ހާސިލުވެފައި ވެއެވެ. އެކަންކަމަކީ ޝާއިނާގެ ފުށުން އޭނާއަށް ލިބުނު ކަންކަމެއްނޫނެވެ. އެއީ ވެސް މިއަދު ޝާމާ ހިތްހަމަޖެހޭ ކަމެކެވެ. ހަލަބޮލި ދިރިއުޅުން މިހާރުވަނީ ހަމައަކަށް އެޅިފައެވެ. ސަމާލުކަން ހޯދުމަށް އޭނާ ކުރިން ޖައްސާފަދަ މޮޅު “ސްޓަންޓް”ތައް ޖެއްސުމުގެ ބޭނުން ކެނޑިއްޖެއެވެ.

* * * * *

އަލުން ކޯހަށް ރަޖިސްޓްރީވުމުގައި ފުރަންޖެހޭ ރަސްމީ ލިޔެކިޔުމުގެ މަސައްކަތް ނިންމަމުން ދިޔައެވެ. ދަރިވަރުގެ އައިޑީކާޑު ނަންބަރާއި ފުރިހަމަ ނަން މޭޒުދޮށުގައި އިން އިދާރީ މަސައްކަތްތައް ކުރާ އަންހެންކުއްޖާ އެއްސެވެ. އެއާއެކު ޝާއިނާގެ ފުރިހަމަ ނަމާއި އައިޑީ ނަންބަރު ކިޔާދީފިއެވެ. ކޮލެޖުގެ ޑާޓާބޭސްއިން އޭނާގެ ނަން ފެނުމާއެކު ކޯސް ހުއްޓާލާފައިވާ މުއްދަތު އެނގެން ހުއްޓެވެ. ފަހު ސެމެސްޓާގެ ކުލާސްތައް ކުރިއަށްދާއިރު އެ ކުލާސްތަކުގައި ޝާއިނާއަށް ބައިވެރިވެވިދާނޭކަން އެންގިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ޝާއިނާ ބޯޖަހާލީއެވެ. އޭނާއާއެކު ކޯސް ފެށި ކުދީން މިއަހަރު ނިމޭނޭކަން އެނގުނަސް އޭނާ އިތުރަށް ދެ ސެމެސްޓާގެ ކިޔެވުން ކިޔަވަން ޖޭހެނެއެވެ. އެހެންވިޔަސް މިހާރު އެކަމުގެ ފަރުވާލެއްނެތެވެ. ކޯސްފުރިހަމަކޮށް ދިރިއުޅުމުގައި ކުރިއަށްދާން އޭނާ ނިންމީއެވެ.

ގެއްލިފައިވާ ހިތްވަރު ޝާއިނާއަށް ހޯދާދިން މީހަކީ އަހަރުތަކެއްވަންދެން އޭނާއާ ދުރުގައި ހުރި ގާތް އެކުވެރިޔާއެވެ. އެއީ މީގެ އެއް މަސް ކުރިއެވެ.

“ތިހެން ނީނދެ އަނގައިން ބުނެބަލަ.” ޒީނިޔާ ތަންކޮޅެއް ބާރަށް ބުންޏެވެ.

ޝާއިނާ ހޯދަން ޒީނިޔާ އެގެއަށް އައީ ހަވީރެވެ. ކަންދިމާކުރި ގޮތުން ޝާއިނާގެ މަންމަ ވެސް އޮފީހުން ގެއަށް އައީ އެވަގުތެވެ. ޒީނިޔާ ފެނުމުން ހަމްދާގެ މޫނުން އުފާވެރިކަން ފާޅުވިއެވެ. ނަމަވެސް އެ އުފާވެރިކަން ފަނޑުވީ ޝާއިނާގެ ވާހަކަ ޒީނިޔާ ދެއްކުމުންނެވެ. ޝާއިނާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭ ކަމަށާއި ވަޒީފާއިން ކެނޑި، ކިޔަވަމުންދިޔަ ކޯސް ވެސް ހުއްޓާލުމަށްފަހު ގޭގައި އަމިއްލައަށް ބަންދުވެގެން އުޅެނީކަން ހަމްދާ ކިޔާދިނެވެ. ކޮޓަރިން ނުކުންނަނީ ވެސް ކާގަޑީގައި މީހަކު އޭނާ ބަލާ ހިނގައްޖެނަމައޭ ހަމްދާ ބުންޏެވެ. ކުރިން އެހާ ރަނގަޅަށް އުޅުނު ޝާއިނާ ކުއްލިއަކަށް ބަދަލުވާންޖެހޭ އެއްވެސް ސަބަބެއްނެތްކަން ހަމްދާ ފާހަގަކުރިއެވެ. އެ ވާހަކަތައް ޤަބޫލުކުރަން ވެސް ޒީނިޔާއަށް ދަތިވިއެވެ. އެގެއަކީ ޒީނިޔާއަށް އާތަނެއް ނޫނެވެ. ޝާއިނާގެ ކޮޓަރިއަށް ވަންނަން ބެލިއިރު ދޮރު ހުރީ ތަޅުލާފައެވެ. ޒީނިޔާގެ އަޑު އިވިފައި ވެސް ޝާއިނާ ނުހުޅުވިއެވެ. ޒީނިޔާކަން ޔަގީންނުވާތީއެވެ. އެހެން އިންދާ މަންމަގެ އަޑު އިވުނެވެ. ދޮރުހުޅުވީ ދެނެވެ. ކޮޓަރިއަށް މަންމައާއެކު ވަން ޒީނިޔާ ފެނުމުން ޝާއިނާއަށް ފުން އަސަރުތަކެއް ކުރުވިއެވެ.

“ފެންވަރައިފިންތަ؟. އަބަދު ބޯ ހާވާލައިގެން ނީނދެބަލަ.” މަންމަގެ އަޑު އިވުނެވެ. ޝާއިނާ ހަރަކާތެއްނުކުރިއެވެ. ސައިތައްޔާރުކޮށްފައި ގޮވާލާނަމޭ ބުނެ މަންމަ ނުކުތީ ޒީނިޔާގެ ކޮނޑުގައި ފިރުމާލާފައެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑުން ވެސް ޝާއިނާ ސިހުނެވެ.

“ހުރިހާކަމެއް ރަނގަޅުތަ؟. ކީއްވެފަތަ ތިއިނީ؟.” ޒީނިޔާ ސުވާލުކުރިއެވެ. އެނދުގައި އިން ޝާއިނާއާ ކުރިމަތިވާނޭހެން ޒީނިޔާ ހުއްޓުނެވެ. އޭނާއާ ދިމާއަށް އެ ދެ ލޯ އަމާޒުވެލިއެވެ. އެކުވެރިޔާގެ ދެ ލޯ ކަރުނުން ފުރެމުން އައިތަން ޒީނިޔާ ދުށްޓެވެ.

“ތިހެން ނީނދެ އަނގައިން ބުނެބަލަ. ވީގޮތް ކިޔާދީބަލަ… އެހީވާން އެނގޭނީ ވެސް އޭރުން.” ކަންބޮޑުވެފައި ޒީނިޔާ ބުންޏެވެ.

“އޭނާ އަހަރެންގެ އަތުން ހުރިހާ އެއްޗެއް ފޭރިގަނެއްޖެ. ޝީ ޓާންޑް މީ އިންޓު އަ ހޮލޯ ޝެލް… އަމިއްލައަށް މަރުވުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭ. ޤުދުރަތީ މަރަކުން މަރުވާން… އަދި އެވަގުތު ނުޖެހޭތީ އަހަރެން ދިރިހުންނަން މަސައްކަތް މިކުރަނީ. އެކަކުވެސް އަހަރެންގެ ވާހަކަ ޤަބޫލެއްނުކުރޭ… އަހަރެން މިގެއިން ނުކުމެއްޖެއްޔާ މަންމަމެން ވެސް އަހަރެންގެ މަތިން ހަނދާންނެތިދާނެ.” ރޮވި ގިސްލެވެމުން ޝާއިނާ ވާހަކަދެއްކިއެވެ.

“ޝާއިނާ!…” ޒީނިޔާގެ އަޑު އިވިގެންދިޔައީ މަޑު އާހެއް ފަދައިންނެވެ.

* * * * *

ޝާއިނާ ކޮލެޖަށް އައުން ހުއްޓާލި ދުވަހުން ފެށިގެން ޝާމާއަށް ކޮލެޖުތެރޭގައި ހަމަޖެހިލައިގެން އުޅެވެއެވެ. މިނިވަންކަން ހިތަކަށް ލިބިފައިވެއެވެ. އޭނާއާއި އަޅާކިޔާނޭ މީހަކު ނެތެވެ. ވަށައިގެންވަނީ ހިމޭންކަމެވެ. އެންމެންގެ ސަމާލުކަން ލިބި، އެއީ އޭނާގެ މީހުންނަށް ވެފައެވެ. ޚިޔާލުތަކުގައި ހުރެ ޝާމާ އައީ ކުލާހާ ދިމާއަށެވެ. ގުރޫޕް މަސައްކަތް ކުރުމަށް އެމީހުން ބޭނުން ކުރީ ހުސްކޮށް ހުރި އިމާރާތުގެ ކުލާސްރޫމު ތަކެވެ. އެތަނަކީ އެފަދަ އިތުރު ހަރަކާތްތައް ރޭވުމުގައި ދަރިންވަރުން އަބަދުވެސް އައިސް ހަދާ ތަނެވެ. ގުރޫޕްތަކުގެ އަޑުފަށްގަނޑު ގަދަވެގެން އެކަމާ ޝަކުވާކުރާނޭ ބަޔަކު ނުތިބޭނެތީއެވެ. ޝާމާ ވެސް އައިސް އުޅެނީ ގުރޫޕް މަސައްކަތެއްގައެވެ. ސަރައްކާލި ހުރިގޮތަށް އައި ޝާމާއަށް ކުލާހެއްގެ ތެރެއިން އަޑެއް އިވުނުހެން ހީވެގެން ބަލާލިއެވެ. އެފަންގިފިލާގައި އެމީހުން ނޫން ކުދިބަޔަކު އެވަގުތު ނެތެވެ. ކުލާސްރޫމެއް ބޭނުންކުރާ ތަނެއް ވެސް ނުފެނެއެވެ. ބޮކިތައް ވެސް ހުރީ ނިވާލާފައެވެ. އަޑަށް ސަމާލުވެގެން ހުއްޓާ އަނެއްކާ ވެސް އަޑެއް އިވުނެވެ. ދެމީހަކު ސިއްރުން ވާހަކަދައްކަނީ ކަހަލައެވެ. އަޑު އައި ކުލާސްރޫމުގެ ދޮރު ޝާމާ ހުޅުވާލީ ޖެހިލުންވެފައި ހުރެ ސިއްރުންނެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނީ ފެނުނު މަންޒަރުންނެވެ. ޝާމާއާ ހަތަރުކަޅި ބައްދަލުވި ހިނދު މާޒިންގެ ތުންފަތުގައި ޝަހާދަތް އިނގިލި އޭނާ ޖައްސާލިއެވެ. އޭނާގެ ގައިގާ ތަތްވެގެން ހުރި އަންހެންކުއްޖާއަކީ ކާކުކަން ޝާމާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާއަކަށް ޝާމާއެއް ނުފެނެއެވެ. އަވަހަށް ދޮރުލައްޕާލި ގޮތަށް އޭނާ ހަލުވިކޮށް އެތަނުން ހިނގައްޖެއެވެ.

މާޒިންއަކީ ޝާމާއާއި ލިއުޝާއާއެކު ގުރޫޕު މަސައްކަތުގައި ބައިވެރިވާން ޖެހޭ އެއް މެންބަރެވެ. މާޒިން ބައިވެރިވީ މަސައްކަތްތައް ފެށި ކުރިއަށްދާތާ އެތައްއިރެއް ފަހުންނެވެ. އޭނާ އައުމާއެކު ލިއުޝާ ޝަކުވާކޮށްލިއެވެ. ގުރޫޕު މަސައްކަތުގައި ބައިވެރިނުވެ ކޮންތާކަށްތޯ ދިޔައީ ސުވާލުކުރިއެވެ. އަދި މަސައްކަތުގައި ބައިވެރި ނުވާނަމަ ލެކްޗަރާ ގާތު އެދިގެން ގުރޫޕުން މާޒިން ވަކިކުރާނޭ ކަމުގެ އިންޒާރު ވެސް ލިއުޝާ ދިނެވެ. އޭރުން މާޒިންއަށް ބަރޯސޯނުވެ ޝާމާއާ ދެމީހުންގެ މައްޗަށް މަސައްކަތް ބަހާލައިގެން ނިންމާލެވޭނެކަން ލިއުޝާ ބުންޏެވެ. މާޒިން އަވަސްއަވަހަށް މަޢާފަށް އެދުނެވެ. ދެން އެހެންނުވާނޭ ބުނެ އޭނާ ކުރަންވީ މަސައްކަތް ބުނުމަށް ބުންޏެވެ.

މޭޒުދޮށުގައި ތިން މީހުން މަޝްވަރާކޮށް ކަންކަން ހަމަޖައްސަމުންދިޔައެވެ. ހެނދުނު ނުވައެއް ޖެހިއިރު އައިމީހުން ކަމަކަށްވާތީ މެންދުރު ބާރަޖެހުމުން ލިއުޝާ ޚިޔާލު ދިނީ މިއަދަށް ހުއްޓާލުމަށެވެ. އަދި އޭނާ ކުރިން ވެސް ޝާމާ ގާތުން މެންދުރު ކާންދާން ވާނޭކަން އޮތީ ރާވާ ހަމަޖައްސާފައެވެ. މަސައްކަތަށް ޚާއްޞަކޮށްފައި ހުރި ލިޔުންތައް ޝާމާ އެއްކުރަމުން ދިޔައިރު ލިއުޝާ ފާޚާނާއަށް ގޮސްފައި އެބައަންނަން ކަމުގައި ބުންޏެވެ. މާޒިން ގާތު އޭނާ އެނބުރި ނާންނަނީސް ޝާމާ އެކަނި ބަހައްޓާފައި ނުދާން އެދުނެވެ.

“ތޭންކްސް ފޯ ކީޕިން މައި ސީކްރެޓް.” ލިއުޝާ ކުލާހުން ނިކުންނަން ދެން ބަލަން ހުރެފައި މާޒިން މަޑުމަޑުން ބުނެލިއެވެ.

“ޔޫ… ޔޫ ޝުޑުންޓް ޑޫ ދެޓް އޮން ކެމްޕަސް، އީވަން ޔޯ ގާލްފްރެންޑް…”

“އެއީ އަހަރެންގެ ގާލްފްރެންޑެއްނޫން. އެކަމަކު އޭނާއަށް އަޑުއިވިއްޖެއްޔާ ކަމަކުނުދާނެ. ވީ އާ ޖަސްޓް ފްރެންޑްސް ވިތް ބެނެފިޓްސް.” ބޯއަރިކޮށް މާޒިން ބަލާލީ ހިނިތުންވެލަމުންނެވެ. ޝާމާ އަނގައިން ނުބުނުމުން ދެން ވެސް ވާހަކަދެއްކީ މާޒިންނެވެ. ޝާމާއާ ރަޙުމަތްތެރިކަން ބޭއްވިދާނެތޯ އޭނާ އެއްސެވެ. އަދި ޝާމާ އޭނާއާއެކު “ރަޙުމަތްތެރިކަން” ބާއްވަން ޝައުގުވެރިވާނަމަ ބުނެލުމަށް ވެސް އެދުނެވެ. ޝާމާ ބަލާލީ އެއްވެސް އަސަރެއްނެތް ފަދައިންނެވެ.

ލިއުޝާއާއި ޝާމާ ވިލިމާލެއަށް ފެރީ ކައިރިކުރުމާއެކު މީހުންގަނޑުގެ ތެރެއިން ފޭބިއެވެ. އެމީހުން ތަންކޮޅަކަށް ދެވުނު ތަނާ ގިމަތައާ ދިމާއަށް އަންނަ އަންހެންކުއްޖާ ފެނުނެވެ.

“ޝާމާ، ތިގޭ ދޮށުން މިހާރު ވަރަށް ގިނައިން އެއޮށް އަންނަ އަންހެންކުއްޖާ ފެނޭ. އެއީ ކާކުތަ؟. އޭނާ ހާދަ ރީއްޗޭ ދޯ. އަހަންނަށް އޭނާ ޝިލްޕާއާ ވަރަށް ވައްތަރު، އެކަމަކު ހީވަނީ ވަރަށް ފޮނިވާނެހެން.” ޝާމާގެ އަތަށް ދަމާލައި ލިއުޝާ ވާހަކަދެއްކިއެވެ.

“އޭނާ އެ އަންނަނީ އަހަރެމެންނާ ދިމާއަށް ދޯ.” ލިއުޝާއަށް ފާހަގަވުމާއެކު ނިކަން އަވަހަށް ބުނެލިއެވެ. ޝާމާ ވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.

“އޭނަ… އޭނާ ބޭރުގަ ކިޔަވަން ހުރެފައި އައިސް އެއުޅެނީ. އަހަރެމެން ކުޑައިރު އުޅުނީ އެއްކޮށް.” ނުތަނަވަސްކަން ފިލުވާލުމަށް ހީނލަމުން ޝާމާ ބުންޏެވެ.

“ހިތަށް މިއަރަނީ މާވަރަކަށް ބަލާތީ ކާކުބާއޭ؟. ކިހިނެއްތަ ޝާމާ؟.” ޝާމާއާ އަރާ ހަމަކޮށް ޒީނިޔާގެ ފިޔަވަޅު މަޑުޖައްސާލަމުން ބުންޏެވެ.

“އާން… ހޭ… ރަނގަޅު، އެއްކޮށް ރާއްޖެ ބަދަލުވީތަ؟.” ހިނިތުންވުމެއް ބަދަލުކޮށްލަމުން ޝާމާ އަހާލިއެވެ.

“އާން، އެކޮޅުގެ ކިޔެވުން ދެން ނިންމާލީ. އެކަމަކު މިކޮޅުން ވެސް ކިޔެވުމުގައި ބައިވަރު އޮޕްޝަންތައް އެބަހުރި. އެހެންވެ ޖޮބަށް ދަމުން މިކޮޅުން ކޯހެއްގައި ބައިވެރިވާން ނިންމައިގެން މިހުރީ.” ޒީނިޔާ ވެސް ބަދަލުކޮށްލީ ޝާމާ ބަދަލުކޮށްލި ފަދަ ހިނިތުންވުމެކެވެ.

“އަދިވެސް ކިޔަވަނީތަ؟… ކޮންތާކަށް އެޕްލައި ކުރީ…” ޝާމާ އަހާލިއެވެ.

“ތި ކޮލެޖަށް. ވަނުމުގެ ކަންކަން ނިމިއްޖެ… މާދަމާ ދިމާވާނެއެއްނު.” ޒީނިޔާ ބުނެލިއެވެ. ޝާމާ އުފަލުން ހީނލިއެވެ.

“އަސްލުތަ؟. ދެޓްސް ގްރޭޓް… އަހަރެން ބަލާނަން ޒީ އާދޭތޯ. މިހާ ދުވަހު ބޭރުގައި ހުރެފައި އައިރު ވެސް ޒީއަށް ނާދޭ ބަދަލެއް. ކިތައް އަހަރު ދޯ.” ޝާމާގެ އުފާވެރިކަން މޫނުން ފާޅުވޭވޭ ހުއްޓެވެ.

“ތޭންކްސް… އަހަންނަށް ހީވަނީ ޝާއިނާގެ ކަންކަން ކޮޕީ ކުރުމުގެ އާދަ އަދިވެސް ޝާމާގެ ނުހުއްޓޭހެން.” ހައިރާންކަން މޫނުމައްޗަށް ވެރިކޮށްލަމުން ޒީނިޔާ ބުންޏެވެ. އެހިނދު ޝާމާގެ މޫނު ހުދުވެގެން ދިޔަ ކަހަލައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *