މިވީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ކޮއްކޮގެ އެންމެ ގާތުގައި ވައަތްފަރާތުގައި ޝާއިނާގެ ލޯބިވެރިޔާ ހުއްޓިލައިގެން ހުރިއިރު އެ ކޮއްކޮގެ ކަނާއަތް ފަރާތުގައި ހުރީ ޝާއިނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަމަކު އެ ދެމީހުންގެ ބެލުމުގައި ޝާއިނާއަށް ޓަކައި ގާތްކަމެއް ނެތެވެ.
“މީ… މީ އަހަރެން ދުށް މަންޒަރެއް، އާނ!… އެފަހަރު ފިރާޒު ދިމާކުރީ އަހަންނާ. އަހަރެންނަށް ފާރަލަމުން… އެފަހަރު އެންމެން ތިބީ އަހަރެންގެ ގާތުގައި، އާމިލް ވެސް… އަހަރެންގެ އެކުވެރިން ވެސް… އެމީހުން އަހަންނަށް ރައްކާތެރިކަން ދިން. އަހަރެންނަށް ކަންތައް ދިމާވި ގޮތާއި ދެއްކި ހުރިހާ ވާހަކައެއް ވެސް ޤަބޫލުކުރި… އެކަމަކު… މިފަހަރު އަހަރެންގެ ބަހެއް އެމީހުން ޤަބޫލެއްނުކުރި. އަހަރެންގެ ދިފާއުގައެއްނޫން އެމީހުން ނުކުމެ އެތިބީ…” ލިބިފައިވި ސިހުމުގައި ޝާއިނާގެ ސިކުނޑި މަސައްކަތްކުރިއެވެ. އޭނާގެ ޟަމީރު ކަމެއް ބުނެދިނެވެ. ޝާމާއާ ދިމާއަށް ޝާއިނާއަށް ބަލާލެވުނީ ރުޅިވެރިކަމާއެކުއެވެ.
“ޝާމާ!… ކީއްވެ؟…” ޝާއިނާއަށް ހަޅޭލަވައިގަނެވުނެވެ. ޝާމާއާ ގާތަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ ގައިގާ އާމިލު ހިފެހެއްޓީމައެވެ. ޝާމާގެ ކޮނޑުގައި ހިފާލައިގެން ހުރެ ހަނާ ޖެހިލީ ފަހަތަށެވެ. ޝާއިނާއާ ދުރަށް ޝާމާ ގެންދިއުމަށެވެ.
“ހޭ!… އިނާ… ދެން ހުއްޓާލަންވެއްޖެއެއްނު. އިނާއަށް ކިހިނެއްވެގެންތަ ތިއުޅެނީ؟.” ހަނާ ވެސް ވާހަކަދެއްކީ ބާރަށެވެ. އެވަގުތު ފިރާޒު ވާހަކަދެއްކިއެވެ.
“މި ކިޔާދިނީ ހަޤީޤަތް، މިއިން އެއްވެސް ކަމެއް ޔޫއަށް ނޭނގޭނެކަން އެނގޭ. އަހަންނަށް އެނގޭ ތިހުންނަނީ ޤަބޫލުނުކުރެވިފައިކަން. އެހެންވިޔަސް މިހުރިހާކަމެއް ޝާމާއަށް އެނގެންޖެހޭނެކަން ޤަބޫލުކުރެވޭތީ ކިޔާދިނީ.” ފިރާޒު ބުންޏެވެ.
“އެހެންވީމަ އެންމެ ފަހުން ކަލޭ ތި އެއްބަސްވީ ދޯ.” ޝާމާގެ ނަޒަރު ލަސް ގޮތަކަށް ފިރާޒަށް ހުއްޓުނެވެ. ފިރާޒުގެ މޫނުން ފާޅުވީ ހައިރާންކަމެވެ.
“ތިބުނީ؟… ކޮންކަމަކަށް…” ފިރާޒު ސުވާލު އުފެދުނެވެ.
“އަހަރެން މިބުނަނީ މިކަންދެން ދިގުނުދަންމާ ނިންމާލާށޭ، ވީ ޝުޑް ޖަސްޓް ކަވާ ދިސް އަޕް.” ފިނިނޭވާއެއް ދޫކޮށްލުމާއެކު ޝާމާ ބުނެލިއެވެ.
“ކީކޭ ތިކިޔަނީ؟…” ފިރާޒަށް ބުނެވުނެވެ.
“އަހަރެންގެ ގޭދޮށަށް އައުމާ، އަހަރެންގެ އެއްޗިއްސަށް ގެއްލުން ދިނުމާ، ސޯޝަލް މީޑިއާގައި އަހަރެންގެ ފޮޓޯ ޝެއާކޮށް އަހަރެންގެ ބޯއިފްރެންޑަށް ވެގެން އުޅުމާ… މިހުރިހާ ކަމެއް ހުއްޓާލާށޭ… މިއަދުން ފެށިގެން އެއިން އެއްވެސް ކަމެއް ކަލޭ ކޮށްގެންނުވާނޭ.” ޝާމާ އަޑަށް ބާރުލާފައި ބުންޏެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ތިރިއަށް ދަތުރުފެށިއެވެ.
ފިރާޒު ހުރީ ބަސް ހުއްޓިފައެވެ. އޭނާއާއި ޝާއިނާއަށް ނޫނީ ނޭނގޭނޭ ކަމެއްގެ ވާހަކަ ޝާމާ ބުނީމައެވެ. ގޭދޮށުން ފިރާޒު ބައްދަލުކުރީ ޝާއިނާއާއެވެ. ޝާމާއަކާ ނޫނެވެ. ވީއިރު ޝާމާއަށް އެގޭ ދޮށަށް އޭނާ ދިޔަކަން އެނގެންވީ ކީއްވެބާއޭ ފިރާޒު ސުވާލު އުފެދުނެވެ. އެހިނދު އެ ސުވާލުގެ ޖަވާބު ވެސް އޭނާއަށް ލިބިއްޖެއެވެ. ފޮޓޯ ހިފައިގެން އައިސް ދެއްކުނީ ވެސް ޝާމާއަށް ކަމެވެ. ބައްދަލުވި ހުރިހާ ފަހަރަކު ބައްދަލުވެވުނީ ޝާމާއާ ކަމެވެ. ދެއްކުނު ހުރިހާ ވާހަކައެއް ވެސް ދެއްކުނީ ޝާމާގެ ގާތުގައި ކަމެވެ. އޭނާގެ ލޮލަށް ވެސް ޝާމާ ކެހި ދިނީއެވެ. ފިރާޒުގެ ނަޒަރު ދަތުރުކޮށްލީ ޝާއިނާއަށެވެ. އޭނާ ހިތުން ރޭވުންތައް ރޭވީ އޭނާއެވެ. އެކަމަކު ކަންތައްވެ ނިމުނުއިރު ކުޅިފަސް މިލިބުނީ ޝާމާއަށެވެ. މިވީ އޭނާ ބޭނުންވި ގޮތެވެ. ފިރާޒުގެ އަމިއްލަ ދިފާއުގައި އެއްޗެކޭ ބުނަން އަނގަހުޅުވާލިޔަ ޝާމާ ނުދިނެވެ. އޭނާ ރޯންފެށުމުން އާމިލް ގުޅީ ފުލުހުންނަށެވެ. ދެން ކުރެވޭނެ އެއްވެސް ކަމެއްނެތްކަން ފިރާޒަށް ޔަގީންވިއެވެ. ޝާމާ ކުޑަކޮށް ވެސް އޭނާއާ ގަޔާނުވާކަން ފިރާޒަށް އެނގިއްޖެއެވެ. ހުރިހާކަމަކީ ވެސް އޭނާގެ އެދުންތައް ފުއްދުމަށް ކުޅުނު ކުޅިގަނޑެކެވެ.
ފުލުހުން އައުމުން އެމީހުންނާ ވާހަކަދެއްކީ އާމިލްއެވެ. ފުލުހުންގެ އެދުމާއެކު ފިރާޒުގެ ބެލެނިވެރިޔާ ވެސް ގެއަށް ގެނަވުނެވެ. ތަޅުންމަތީ އޮތް ވަޅި އެމީހުން ނެގިއެވެ. ޖިޕަށް އެރުވީ ފިރާޒު ބިޑިއަޅުވައިގެންނެވެ. ފިރާޒުގެ މައިންބަފައިން ނެތުމުން އޭނާގެ ކަންކަން ބަލަހައްޓަނީ އޭނާގެ ބޮޑުދައިތަ އާރިފާއެވެ. އޭނާ ހުރީ ބުނާނޭ އެއްޗެއް ނޭނގިފައިކަން ގައިމެވެ. ފުލުހުންނަށް އެއްބާރުލުން ދިނުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. އަންހެންކުއްޖަކު ރަހީނު ކުރުމާއި އޭނާއަށް ވަޅިން ބިރުދެއްކުމަކީ ކުޑަކުށެއްނޫނެވެ.
އާމިލްއާއި ހަނާއާއެކު ޝާމާ ހުއްޓެވެ. އެންމެން ތިބީ ފިރާޒު ގެންދާތަން ބަލަން މަގުމަތީގައެވެ. ޝާއިނާއަށް ފާހަގަވީ ޝާމާގެ ދެ ލޮލެވެ. އެ ލޮލުގައިވާ އަސަރުތަކެވެ. ހަޤީޤީ ދެރަވުމެއް، ހަމްދަރުދީއެއް އެ ލޮލުން ފާޅެއްނުވެއެވެ. ފިރާޒުގެ ހަޔާތުގައި ޖެހޭ ފުރަތަމަ ލައްގަނޑު ކަމުގައި މިހާދިސާ ވާނޭކަން ޝާއިނާއަށް ވިސްނާލެވުނެވެ. ކުށުގެ ރިކޯޑެއް އޮތުމަކީ މުޖުތަމަޢު އެމީހަކާ ދޭތެރޭ ދެކޭނޭ ގޮތް ބަދަލުވާނޭ ކަމެކެވެ. ޝާމާގެ އިންސާނިއްޔަތުކަމާއި ރަހުމުގެ ކަންފުޅެއް ވެސް ނެތީބާއޭ ޝާއިނާގެ ހިތަށް އެރިއެވެ. ފިރާޒާއެކު ހުރިހާ ރޭވުމެއް ރާވާފައި އެންމެފަހު ވަގުތު ފިރާޒައަށް ވެސް ޝާމާ އޮޅުވާލިއްޔޭ، ޝާއިނާގެ ހިތަށް އެރިއެވެ. ފިރާޒު ދެއްކި އެއްވެސް ވާހަކައެއް ދެކޮޅު ނުޖެހޭއިރު އެއީ އެ ދެމީހުން ރާވައިގެން ކުޅުނު ޑްރާމާއެއްކަން ޝާއިނާއަށް ޔަގީންވެއެވެ.
މިވަގުތު ނޫނަސް ފިރާޒާ ދެކޮޅަށް ހެކިބަސްދޭން ޝާމާއަށް ދާންޖެހޭނޭކަން އާމިލް ބުންޏެވެ. އަދި އޭނާ ކުރިން ވެސް އެކިކަހަލަ ކަންކަން ކޮށްފައި ހުރުމުން ފަސޭހައެއްކޮށް ސަލާމަތެއް ނުވެވޭނެކަމުގެ ޔަގީންކަން ޝާމާއަށް އާމިލް ދިނެވެ. ޝާމާގެ ނަޒަރު ޝާއިނާއަށް ހުއްޓުނު އިރު އޭނާ ހުރީ ބަލާށެވެ.
“ސޯ، ދޮންތީ… އެބަފެނޭތަ؟. ހުރިހާކަމެއް ބީވެ، އެ ހުރިހާ އެއްޗެއްގެ މިލްކުވެރިޔަކީ އަހަރެންނަށް ވާނެ، އަހަރެން ބޭނުންވަނީ ތި ނަފްސުގެ އެންމެ އަޑިއަށް ވަދެ، އެތެރެއިން މީހާ ފުނޑުފުނޑުކޮށްލަން. އަދި މިވަރަކުން އެކަމެއް ނުވާނޭކަން އެނގޭ. އެހެންވީމަ އިންތިޒާރު ކުރޭ… އެދުވަސް ދުރެއްނޫން…” ޝާމާގެ ތުންފަތް ދެމިލިއެވެ. އެ ހިނިތުންފެނި ޝާއިނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
“އަޅެ ކަލޭމެންނަށް ނުފެނޭތަ؟. އޭނާ މިވަގުތު ވެސް ހޭކަން ނޭނގޭތަ؟.” ޝާއިނާ އެއްޗެކޭ ބުނަންވާއިރަށް އޭނާގެ ގައިގާ އާމިލް ހިފެހައްޓައިފިއެވެ. ޝާމާއާ އެއްގޮތަކަށް ވެސް ކައިރިވިޔަކަ ނުދެއެވެ.
“ހުއްޓާލަބަލަ!. އޭނާ މިހާރު ހުންނާނީ ވަރުބަލިވެފައޭ.” އާމިލްގެ އަޑު ވެސް ބާރުވެލިއެވެ.
“ޔޫ މަސްޓް ބީ އިން ޝޮކް. އާ ޔޫ ރިއަލީ އޯކޭ.” ފިނިވެފައި ހުރެދާނޭ ކަމަކަށް ޝާމާގެ ދެކޮނޑުގައި ފިރުމާލަދެމުން ހަނާ ވާހަކަދެއްކިއެވެ.
“އަހަރެން އޯކޭ… އެކަމަކު ދޮންތި..” ޝާމާ އިސްޖަހާލިއެވެ.
“އައި ސްވެއާ، އަހަރެން އެއްވެސް ކަމެއް ނުކުރަންކަން… އޭނަ…” ޝާއިނާ ހަޅޭލަވައިގަތެވެ. އޭނާގެ ވާހަކަ ހުއްޓުވީ އާމިލްއެވެ.
“ޝަންނު، ސްޓޮޕް އިޓް، އައި އޭމް ގެޓިން ޓަޔަޑް އޮފް ދިސް…” އާމިލް ނުރުހިފައި ބުންޏެވެ. ޝާއިނާގެ ހަރަކާތްތައް ހުއްޓުމަކަށް އައުމާއެކު އޭނާ އާމިލްއަށް ބަލާލީ މާނަވީ ގޮތަކަށެވެ. ދެން ވެސް ހުއްޓާލުމަށް އާމިލް އެދުނެވެ. އެކަމަކު މިފަހަރު އެ އަޑު މަޑުވިއެވެ.
ޝާއިނާ ހިމޭންވުމާއެކު ވިސްނާލިއެވެ. އާމިލްއާއި ހަނާގެ އަމަލުތައް ހުރި ގޮތުން އެމީހުން ކުށްވެރިކުރާކަށް ޝާއިނާ ބޭނުމެއްނޫނެވެ. އެމީހުންނަށް ވެސް އެ ފެންނަނީ ޝާމާ ދެއްކި ދަޅައެކެވެ. މިވަގުތު ޝާމާނޫން އެހެން އަންހެންކުއްޖަކު ހުރިކަމުގައި ވިޔަސް އެމީހުންގެ ގަސްދަކަށްވާނީ އެކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ބޭނުންވާ ހިތްވަރު ދިނުމެވެ. އެކަމަކު އެމީހުން ޝާއިނާގެ ކަންކަމުގައި ވަރުބަލިވީ ހެއްޔެވެ. އެހެންވެ ޝާއިނާގެ ބަދަލުގައި އޭނާގެ މަޤާމު ފުރުމަށް އެހެން މީހަކު ޚިޔާރުކުރީ ހެއްޔެވެ. ޝާމާގެ ހިތަށް ވަރަށް އުނދަގޫވިއެވެ.
އާމިލް ހުއްޓުވި ޓެކްސީގެ ފަހަތު ސީޓަށް ހަނާއާއެކު ޝާމާ އެރިއެވެ. ޝާއިނާ ބަލާލުމުން އާމިލް އެދުނީ ކާރުގައި ދިއުމަށެވެ. ބަހެއްބުނުމެއްނެތި ޓެކްސީގެ ކުރީ ސީޓަށް ޝާއިނާ އެރިއެވެ. ކާރު ދުއްވާލަން ދެން އާމިލް މަޑުކޮށްލައިގެން ހުއްޓެވެ.
* * * * *
އެއްމަސް ފަސް.
ފަހުން ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ކޮލެޖުން ޝާއިނާ ލީވް ނެގިއެވެ. ނުހަނު ޝައުގުވެރިކަމާއެކު ކިޔަވަމުން އައި ކިޔެވުން މެދުކެނޑުނީއެވެ. ކޮލެޖަށް ދާހިތް ވެސް ނުވަނީއެވެ. ދިރިއުޅުން މަތިން މަޑުމަޑުން ޝާއިނާ ފޫހިވެއްޖެއެވެ. ފިރާޒާއެކު ޝާމާ ކުޅުނު ޑްރާމާގެ ކަންކަން އޮބުނީއެވެ. ޝާމާ އެގޮތް ބޭނުންވީމަ ދެންތިބި މީހުން ވެސް އެކަމާ ފަހުން އެއްބަސްވީއެވެ. އެއްވެސްކަމެއް މައިންބަފައިންނާ ހަމައަށް ގެންނަން ބޭނުންނުވާތީއެވެ.
ކޮލެޖަށް ދިއުން ހުއްޓުމާއެކު ޝާއިނާ ގޭތެރޭގައި އުޅޭ އުޅުން ވެސް ހުއްޓުނެވެ. ގިނަވަގުތު އޭނާ އިންނަނީ އޭނާގެ ކޮޓަރީގައެވެ. އެއްވެސް ކަމެއް ކުރުން އޭނާއަށް ބޮޑުކަމަކަށްވަނީއެވެ. މީހަކާ ކުރިމަތިލާކަށް ބޭނުމެއްނުވެއެވެ. އަނގައިން ބުނާކަށް ބޭނުމެއްނޫނެވެ. އޭރުގައި ގާތްކަމުގައި ދުށް އެއްވެސް އެކުވެރިޔަކު ގުޅާލައި ޝާއިނާގެ ހާލު ބަލާލަން ހިތަށް ވެސް ނޭރިއެވެ. ފަހުން ޝާއިނާއަށް ލިބުނު ޚަބަރަކީ އޭނާ ނެތުމުން ހުސްވި ޖާގަ އެހެންމީހަކު ނަގައިފިކަމެވެ.
ކަރުހިއްކައިގަނެ ފެންފޮދެއް ނުބޮއެ ނީނދެވިގެން ޝާއިނާ އެނދުން ތެދުވިއެވެ. ފެންފޮދެއް ބޯން ބަދިގެއަށް ދިއުމަށެވެ. ނަމަވެސް ދޮރުމައްޗާ ހަމައަށް އައިސްފައި ވެސް އޭނާއަށް ހުރެވުނީއެވެ. ސިކުނޑީގައިވި ޚިޔާލުތަކަށް ގެއްލިފައެވެ. އެގޮތުގައި އިރުކޮޅެއް ވޭތުވިފަހުން ދޮރުހުޅުވުނުކަމެއް ޝާއިނާ ނުދެނަހުއްޓެވެ. އޭނާގެ ސޫރަ ކުރިމަތީ ހިނިތުންވެލައިގެން ހުރިތަން ފެނުމުން ޝާއިނާ ދިޔައީ ސިއްސައިގެންނެވެ. ސިހުނުވަރުން ހަޅޭލަވައިގަނެވުމާއެކު ޝާއިނާއަށް ފަހަތަށް ޖެހިގަނެވުނެވެ. އޭނާ ތަޅުންމައްޗަށް ވެއްޓިފައި އިންއިރު ހީވަނީ ބިރެއްފެނިގެން އިނީ ހެނެވެ.
“ދޮންތީ…” އިވުނީ ޝާމާގެ އަޑެވެ.
“ކޮންކަމަކާ ސަޕްރައިޒްވީ؟. ކޮން ޚިޔާލަކަށް ގެއްލިފަ؟.” ޝާމާ އަހާލިއެވެ. ނަމަވެސް ޝާއިނާ އަނގަޔަކުން ނުބުންޏެވެ.
“މަންމަ ބުނީ އަންނާށޯ ކާން.” ޝާމާ ބުނެލިއެވެ.
ބަދިގެއަށް ޝާމާ ވަދެގެން އައުމުން މަންމަ ސުވާލުކުރީ އިވުނު ހަޅޭކުގެ އަޑާ ގުޅިގެންނެވެ. ކިހިނެއްތޯވީ އެނގެން ބޭނުންވެގެންނެވެ. އެއާއެކު ޝާމާ ބުނީ ކަމެއްނުވާކަމެވެ. ހުރެބަހައްޓާފައި ދޮންތި ހަޅޭލަވައިގަތީ ކަމުގައެވެ. އެވަގުތު އެތަނަށް ޝާއިނާ އަތުވެއްޖެއެވެ.
ކާމޭޒުދޮށުގައި ޢާއިލާގެ އެންމެން ތިއްބެވެ. ބައްޕަ ޝާއިނާއަށް ގޮވާލަން އުޅުނު ހިނދު ޝާމާ ވާހަކަދައްކަން ފެށިއެވެ. ޓެސްޓު ނަތީޖާ ރަނގަޅުވެ “އެޗްޑީ”އެއް ލިބޭނެކަމުގެ ޔަގީންކަން އޮތްކަމުގައި ބުންޏެވެ. އަދި ކުރިއަށް ހަމަޖެހިފައި އޮތް އިމްތިހާނު ތަކުގެ ވާހަކަ އޭނާ ޚިއްޞާކުރިއެވެ. ހިމޭންވެފައި އިނދެ ޝާއިނާ ތަށްޓަށް ކާއެއްޗެހި އަޅައިގެން ކާންފެށިއެވެ. މަންމަގެ ދުލުން ޝާމާއަށް ތާރީފުކުރިއެވެ. ޝާމާ އެހާ ބުރަމަސައްކަތް ކުރާތީއޭ ނަތީޖާތައް މޮޅުކަމުން އެކަމާ މަންމަ ފަޚުރުވެރިވާކަން ހާމަކުރިއެވެ. ޝާމާ ހަދަން ފަށާފައި އޮތް ޕްރޮޖެކްޓުގެ ވާހަކަ ފެށިއެވެ. އޭނާ އެންމެ ހިނދުކޮޅަކަށް ވެސް އަނގަމަޑުން ލައިގެން އިންނަން ބޭނުންނުވާ ކަހަލައެވެ. އެހެންނަމަވެސް މަންމަގެ ސަމާލުކަން ޝާއިނާއަށް ހުއްޓުނެވެ. ޝާމާދެއްކި ވާހަކައަށް ޖަވާބުދެމުން ޝާއިނާގެ ނަމުން މަންމަ ގޮވާލިއެވެ. އެހިނދު މަންމައަށް ބަލާލުމުގެ ކުރިން ޝާއިނާގެ ނަޒަރު ދަތުރުކޮށްލީ ޖެހިގެން އިން ޝާމާއަށެވެ.
“ޒީނިޔާ ވާހަކަދައްކަންތަ؟. އޭނާ މާލެ އަންނަނީ ކޮންއިރަކުންކަން އެނގޭތަ؟” މަންމަ އެހީ ޝާއިނާގެ ގާތުގައެވެ.
“އޭނަ މެސެޖުކުރޭ. ކިހިނެއްވީ މަންމާ؟.” ޝާއިނާ އަހާލިއެވެ.
“މިއަދު ނަސީމާއާ ދިމާވި، އެހެންވެ ޒީނިޔާ މަތިން ހަނދާންވީ. ފެނުނީ ވާހަކަދައްކާލެވޭ ކަހަލަ ގޮތަކަށްނޫން. އޭނާ ވެސް ދަރިފުޅު ކިޔަވަން ފޮނުވާލި ގޮތަށް އެކަނި މިކޮޅުގައި އެ ހުންނަނީ. ކުޑައިރު ތި ތިންމީހުން އުޅުނީ ކިހާ އެއްކޮށް. މިގެއަށް ކޮންމެ ބަންދެއްގައި ކަހަލަ ގޮތަކަށް ނިދަން އަންނާނެ އެކުއްޖާ. މިހާރު ކިޔަވާ ނިމޭނެ…” މަންމަގެ ވާހަކަ ހުއްޓުވާލީ ޝާމާއެވެ.
“މަންމާ!… މިރޭ ކޮންކަހަލަ މަހެއްތަ ހަދާފަ މިހުރީ؟.” ޝާމާ ވާހަކަފެށިއެވެ. އޭނާ ގަސްދުކުރި ގޮތަކަށް މަންމަގެ ސަމާލުކަން ލިބިއްޖެއެވެ.
“ކުރިން ދުވަހު ގެނައި ކަންނެލި މަސްކޮޅު އަދި ހުސްނުވޭ. އޭގަ ހަދާފަ ތިހުރީ. ނުބައީތަ؟.” މަންމަ ބުންޏެވެ.
މޭޒުދޮށުގައި އަނެއްކާ ވެސް ޝާމާގެ އަޑު ހިފާލައިފިއެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ސަމާލުކަމާއެކުއެވެ. ޝާއިނާ އެތަނުގައި އިނެއްކަމަކު ނެތް މީހެއް ފަދައެވެ. އޭނާއާ އަނގައިން ބުނާނޭ މީހަކު ނެތެވެ. އިސްވެ ވާހަކައެއް ދެއްކުމަކީ ބުރައެކެވެ. އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޭނާ ހަމަ އިނީއެވެ.
* * * * *
ކޮލެޖު ނިންމާފައި ގެއަށް އައުމަށް ޝާމާ ނުކުތް ވަގުތެވެ. މަގުގެ އަނެއްފަރާތުގައި ފާރުކައިރީ މަޑުކޮށްލައިގެން ހުރި އާމިލް ފެނުނެވެ. ޝާމާ ހިނގައި ގަތުމާއެކު އޭނާ ވެސް ހިނގައިގަނެއްޖެއެވެ. މަޑުމަޑުން އައިސް ޝާމާއާ އެއްވަރު ކުރިއެވެ.
“ހިނގާ ގެއާ ހަމައަށް ލައިދޭނަން.” އާމިލް ބުންޏެވެ.
“ނަޔަސް އޯކޭވާނެ.” ޝާމާ ބުނެލިއެވެ.
“އެކަނި ތިހެން ވިލިގިއްޔާ ދަތުރުކުރާއިރު ކަމެއް ދިމާވާނީ ބުނެފައެއްނޫން.” އާމިލް ބުންޏެވެ.
“އާދެފަ ހުންނަނީ. މީ އެވަރުކަމެއްނޫނޭ. އާމިލް އުޅެނީ މާލޭގައެއްނު. އެކޮޅަށް ގޮސްފަ އަނެއްކާ ޖެހޭނީ އަންނަން. އުނދަގޫވާނެ.” ޝާމާ ބުންޏެވެ.
“ނުވާނެ އުނދަގުލެއް. އަހަރެން ޝާމާއާ ދޭތެރޭ ވިސްނާތީ ގެޔަށް ގެންގޮސްދޭން ބޭނުންވީ.” އާމިލް ބުންޏެވެ.
ފެރީއަށް އަރައިގެން ވިލިގިއްޔަށް ޝާމާއާއެކު އާމިލް ފޭބިއެވެ. ގެއާ ކައިރިވާން ފެށުމުން ޝާމާ ހުއްޓުނެވެ. އާމިލް ގާތު ދާން އޭނާ އެދުނެވެ. ގެ ހުރީ ފެންނަންކަމުގައި ބުނެއެވެ.
“އިހަށް މަޑުކޮށްލަބަލަ.” އާމިލް ބުންޏެވެ.
އޭނާ ގުދުވެލައި ޝާމާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އިރުކޮޅަކު އެމޫނަށް ބަލަން ހުރެފައި ޝާމާގެ ތުންފަތުގައި ބޮސްދޭން އާމިލް އުޅުނެވެ. އެހިނދު ޝާމާ މަނާވެގަނެ ފަހަތަށް ޖެހިލިއެވެ.
“ނޯ ވީކާންޓް… ދޮންތީ… ދޮންތީއަށް އެހެން ހަދާކަށްނުވާނެ…” ޝާމާ ނުކެރޭކަން ދައްކަމުން ބުނެލިއެވެ. ނަމަވެސް އާމިލްގެ މޫނުން ޖެހިލުންވުމެއް ފާޅެއްނުވެއެވެ.
“ކިހިނެއްވީ؟. މީ ކުރިން ނުކުރާކަމެއްނޫނެއްނު، މިއަށްވުރެ ބޮޑަށް ވެސް އަހަރެމެން ގާތްވީމެންނު.” ޝާމާއާ ގާތަށް ޖެހިލަމުން އާމިލް ބުންޏެވެ. ޝާމާގެ ނަޒަރު އާމިލްއާ ސީދާވެލިއެވެ.
“ވަޓް؟… ޝާމާ ހީކުރީ އަހަންނަށް ނޭނގޭކަމައްތަ؟.” އާމިލް އެއްމިޔަކަނުން ހިނިތުންވެލިއެވެ. އެފަދަ ހިނިތުންވުމެއް ޝާމާގެ ތުންފަތުން ވެސް ފާޅުވެލިއެވެ. ލަދުވެދިކަމުގެ އަސަރު ޝާމާގެ ފުށުން ފިލައިގެން ހިނގައްޖެއެވެ. އާމިލްގެ މޫނުގައި ދެއަތުން ހިފާލައި ނޭވާ އިޙްސާސްވާހާ ގާތަށް ޖެހިލިއެވެ.
“އެނގޭތަ؟. ކިހިނެއް؟… ކިހިނެއް އެނގުނީ އެއީ އަހަރެންކަން؟.” ޝާމާ އަހާލިއެވެ.
“ބަލާލާފައި އެނގުނު، ކީއްވެ ނޭނގެންވީ؟.” އާމިލް ބުންޏެވެ.
ގެއަށް ދިއުމުގެ ބަދަލުގައި ޝާމާ ގޮވައިގެން އާމިލް އައީ ގެސްޓް ހައުސްއަކަށެވެ. އެތަނުގެ ކޮޓަރިއެއް ކުއްޔަށް ނަގައި ދެ ޖިސްމުގައި އުފެދެމުން އައި އެދުންވެރިކަމުގެ މަސްތީ އާރުން ފެންބުއިމަށް އަވަސްވެލިއެވެ. ޝާމާގެ ހަށިގަނޑު ކަޝްފުކުރަމުން އޭނާ އުރާލައިގެން އާމިލް އައިސް އެނދަށް އެރިއެވެ.
“ކުރިން ފަހަރު ބުނީމެންނު ދެ ނަންބަރު ގެންގުޅެން ފެށި ވާހަކަ. އެހިސާބުން އެނގިއްޖެ.” ޝާމާގެ ތުންފަތާ ތުންފަތް ވަކިކޮށްލަމުން އާމިލް ބުންޏެވެ.
“އެހެންވިޔަސް… ކިހިނެއް އަސްލު ސީދާ އަހަރެންކަން އެނގުނީ؟.” އާމިލްގެ ބަނޑުމަތީ ހަމަޖެހިލައި ޝާމާ ސުވާލުކުރިއެވެ.
“ޓެލް މީ… އޭމް އައި ކިއުޓާރ؟..” ޝާމާ ބޯއަރިކޮށްލައި އަހާލިއެވެ. އަދި ޝާމާގެ ދެއަތްތިލައިގެ ހަރަކާތްތައް އަވަސްވެލީ އާމިލްގެ ޖިންސުގެ ގޮށްތައް ނެއްޓުމުގައެވެ. މަޑުމަޑުން އޭނާ ތިރިއަށް ދެމިގަތުމާއެކު އާމިލްގެ ނޭވާ އަވަސްވެލިއެވެ.
“ތި ސުވާލަށް ކިހިނެއް ޖަވާބު ދޭނީ…” އާމިލް ބުނެލިއެވެ.
“ތިހެންވީރު ބުނެބާ… އަހަރެން ސެކްސީތަ؟.” ޝާމާ އަހާލިއެވެ. އާމިލްއަށް ދެ ލޯ މަރާލެވުނެވެ. ވާހަކަދައްކަން އޭނާއަށް ފަސޭހައެއްނުވިއެވެ.
“ޖަވާބު ނުދެންޏާ، ޖަވާބު ގަދަކަމުން ތި އަނގައިން ނެރެން ޖެހިދާނެ…” ލާނެތް ގޮތަކަށް ޝާމާ ބުނެލިއެވެ.
“ތީ އެހާ ފަސޭހަކަމަކަށްނުވާނެ… އެހާ ހިތްވަރު އެބަހުރިތަ؟.” ހީނލަމުން އާމިލް ބުނެލިއެވެ. އަދި ކުދިކުދި ސަމާސާތައް ނުކޮށް އޭނާ ހިތްހަމަޖައްސައިދިނުމަށް ޝާމާގެ ގާތުން އެދުނެވެ.
ޖިންސީ އެދުންވެރިކަން ފުއްދަމުން ދިޔައިރު ކޮޓަރީގައި ދެ މީހުންގެ އަޑު އެއްވެފައިވިއެވެ. ޝާމާ ތަކުރާރުކޮށް ސުވާލުކުރީ އޭނާކަން އެނގުނު ގޮތެއް ބުނުމަށެވެ. އާމިލް ދިނީ ކުރިން ވެސް ދިން ޖަވާބެވެ. ފެނިފަ ވެސް ދެމީހުން ވަކިކުރަން އެނގޭ ކަމުގައެވެ.
ލިބުނު ވަރުބަލިކަމުގެ ސަބަބުން އާމިލްގެ ދެ ލޯ މެރި ހިމޭންވާން ގިނައިރެއް ނުނެގިއެވެ. މިރޭ ގެއަށް ނުގޮސް މަޑުކުރުމަށް އާމިލް އެދުނީތީ މަންމައަށް ގުޅައި ޝާމާ ދޮގެއް ހެދިއެވެ. އޭނާގެ ދޮގު ނިކަން ފަސޭހައިން މަންމަ ޤަބޫލުކުރިއެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒުގައި ފޯނު ބާއްވަން އުޅުނު ވަގުތު ޝާމާގެ ނަޒަރު އެތަނުގައި އޮތް އާމިލްގެ ފޯނަށް ހުއްޓުނެވެ. ދެން ފަސްއެނބުރި އެނދުގައި އޮތް އާމިލަށް ބަލާލިއެވެ. އޭނާގެ ހޭވެރިކަމުގެ ކަންފުޅެއް ވެސް ނެތްކަން އެނގެއެވެ. ފޯނު ބައްވާފައި އާމިލްގެ ފޯނު ޝާމާ ނެގީ ޚިޔާލެއް އެ ސިކުނޑިއަށް ވަދެގެންނެވެ. ފޯނު ހިފައިގެން އައިސް އާމިލްގެ ގާތަށް އަރާ އޮށޯތެވެ. ރަޖާގަނޑުން ޝާމާގެ މޭމަތި ކިރިޔާ ފޮރުވޭވަރަށް އަޅާލައި، އާމިލްގެ ގައި މަތިން ރަޖާ ތިރިއަށް ޖައްސާލިއެވެ. ދެ މީހުން ވެސް ތިބީ އެއްވެސް ފޭރާމެއްނެތިކަން އަންގައިދޭން ޝާމާ ބޭނުންވާ ކަހަލައެވެ. އޭނާ ކެމެރާ ސެޓުކޮށްލުމާއެކު ފޮޓޯނެގިއެވެ. އަދި އެ ފޮޓޯ ޝާއިނާއަށް ފޮނުވާލިއެވެ.
* * * * *
އެނދުގައި ޝާއިނާ އޮތީއެވެ. އެއްވެސް ކަމެއް ކުރާނޭ ހިތްވަރެއް ނެތްފަދައިންނެވެ. ވިސްނާ ފިކުރުކުރުން ނޫންކަމެއް އޭނާއަށް ނުކުރެވެއެވެ. ރޭގަނޑު ރަނގަޅަށް ނިދެނީއެއްނުނެވެ. ނަމާދަކަށް އެރެނީއެއްނޫނެވެ. އަޅުކަމަށް ވެސް ފަރުވާކުޑަވީއެވެ. ކަމެއްކުރާހިތްނުވާތީއެވެ. އޭނާއާ ވާހަކަދައްކާލާނޭ މީހަކު ހުރީއެއްނޫނެވެ. އެ އެކަނިވެރިކަމުގައި ހުރިހާ އަޑެއް އަހަން ހުރީ ވެސް އޭނާގެ އަމިއްލަ ނަފްސެވެ.
ފޯނަށް އައި ނޮޓިފިކޭޝަންގެ އަޑުން ބާލީސް ކައިރީ އޮތް ފޯނު ޝާއިނާ ނެގިއެވެ. ދަންވަރު އެކެއްޖަހައި ހިނގައްޖެއެވެ. އެވަގުތަކީ ކުރިން އޭނާއަށް މެސެޖު ލިބޭ ވަގުތަކަށް ވިޔަސް މިހާރު އެ ފޯނު ވެސް އޭނާ ފަދައިން އޮންނަނީ ހިމޭންވެފައެވެ. އަރިއަކަށް އެނބުރިލައި ފޯނު ހުޅުވާލިއެވެ. ވައިބަރ މެދުވެރިކޮށް އައި މެސެޖު ހުޅުވާލީ އާމިލް ފޮނުވީމައެވެ. ހުއްޓުން އެރިގޮތަށް އިރުކޮޅަކު ޝާއިނާ އޮތެވެ. ދެން ފެނުނީ ފޯނު އެއްލާލި ތަނެވެ. މީހާ ގުޅަވެގަނެ ބާލީހުގެ ކަނުގައ ހިފައި ގެނެސް މޫނުގައި އަޅައި ބާރަށް ޝާއިނާ ހަޅޭލަވައިގަތެވެ.
“ނޫން!… ނޫން!…” ޝާއިނާއަށް ތަކުރާރުކޮށް ކިޔުނެވެ. އެ ދެ ލޮލުން ހިފެހެއްޓުމެނެތް ކަރުނައިގެ ސައިލެއް އުފެދިފައިވިއެވެ. ހިތުގެ ހުރިހާ ނާރެއް ބުރިބުރިވަމުންދާހެން އޭނާއަށް އިޚްސާސްވަމުންދިޔައެވެ. ވޭން އަޅަނީ ހަށިގަނޑުގެ ކޮންތާކުކަމެއް ނޭނގުނެވެ. އަޑުންއަޑުނަގާ އޭނާ ރޮނީއެވެ. ކެތްނުކުރެވޭނެއޭ އަމިއްލަ ނަފްސަށް ވެސް ބުނަމުންނެވެ.
(ނުނިމޭ)