ކޮތަޅުތެރޭ ހުރި ބަނަސްތަކަށް ޝާމާ ބަލާލިއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޝާއިނާ ކައިފައި އޮތް ބަނަހަށެވެ. މަޑުމަޑުން އެ ބަނަސް ޝާމާ ނަގައި ކައިފައި އޮތް ބައިގަ އަނގަޖަހައި ބަނަހުން ބައެއް ނައްޓުވާލިއެވެ. ކަމުން ދިޔައިރު ހީލަތްތެރި ހިނިތުންވުމަކުން ޝާމާގެ ތުންފަތް ދެމިލިއެވެ.
* * * * *
ފިރާޒުގެ މުޅި ރޭ ވޭތުކުރީ ވިސްނާ ފިކުރު ކުރުމުގައެވެ. ޝާއިނާއާއި ޝާމާއާ ގުޅިގެންނެވެ. ހަމައެއާއެކު ޝާމާ ކަންތައްކުރި ގޮތާމެދު އޭނާއަށް ލިބިފައިވާ ނުތަނަވަސްކަމަކީ ހިތުން ފިލުވާލަން ފަސޭހަވިކަމަކަށް ނުވިއެވެ. ޝާމާގެ އެހުންނަ ބޮޑާ ސިފަ ކަނޑުވާލުން ވެސް ފިރާޒުގެ މަޤުޞަދަކަށް ވެފައިވެއެވެ. ޚާއްޞަކޮށް އޭނާއަށް އިޙްސާސް ކުރެވުނީ ޝާމާ އޭނާ ލަދުގަންނަވާލީ ފަދައަކުންނެވެ. ދެމެދުގައި އެހާ ގާތް ގުޅުމެއް ހިނގުމަށްފަހު އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބުނުމުން ޝާމާ ރައްދުދިން ގޮތް އެއްގޮތަކަށް ވެސް ފިރާޒަށް ކަމަކުނުދިޔައެވެ.
ފިކުރުތަކުން ސިކުނޑި ފަޅައިގެން ހިނގައިދާނޭ ހީވުމުން ފިރާޒު ގަސްދުކުރީ ހިތްހަމަޖެހުމެއް ހޯދާލުމަށެވެ. އެއީ އޭނާ އާދަވެފައި ހުރި ގޮތެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރި ތަޅުލިއެވެ. އަދި އެނދުއަރިމަތީ ހުރި ކުޑަމޭޒުން ޓިޝޫ ފޮށި ހިފައިގެން އައިސް ކިޔަވާ މޭޒުދޮށުގައި ފިރާޒު އިށީނެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު އޭނާ ވަނީ އޮރިޔާން ވީޑިއޯތައް ހުރި ވެބްސައިޓަކަށެވެ. މޭޒުމަތީ އޮތް ވަޔާލެސް ހެޑްފޯން ނަގައި ބޮލުގައި އަޅުވާލައި ދެކަންފަތަށް ހެޔޮވަރުކޮށްލުމުން ލައްޒަތުގެ މީރުކަމުގައިވި ދެ ޖިސްމުން ކުޅޭ މަސްތީ ރާގުތަކުގެ އަޑު އިވެންފެށިއެވެ. ދެކަކުލާ ހަމައަށް ލައިގެން ހުރި ސޯޓު އޭނާ ތިރިކޮށްލިއެވެ. އަދި ވީޑިއޯއިން ފެންނަމުން ދިޔަ މަންޒަރުތަކާއެކު މޭޒުދަށުން ފިރާޒުގެ އަތް މަޑުމަޑުން ހަރަކާތްކުރަންފެށިއެވެ. ނަމަވެސް އޭނާގެ ޚިޔާލުތަކުން ޝާމާ އެއްފަރާތްކޮށްލެވޭ ގޮތެއް ނުވިއެވެ. ރޭވުންތެރި ވިސްނުމެއް ސިކުނޑިއަށް ފާވަމުން އައީ އެ މަޖަލުގައި ފިރާޒު އިންދައެވެ.
އާ ދުވަހެކެވެ. ޝާމާ އަންނާނޭކަން އެނގި ހުރެ ފިރާޒު ގުޅިއެވެ. އޭނާ ވަކިތަނެއް ކަނޑައަޅައި ޝާމާ ގާތު އައުމަށް ބުންޏެވެ. އަންނަން ބޭނުންނުވެފައި ހުރެ ވެސް ޝާމާ އެއްބަސްވީތީ ފިރާޒަށް ކުރި ލިބުނެވެ.
“އޭތް!… މިފަހަރު ކީކޭ ކިޔަންވީ؟. ކީއްކުރަން އަންނާށޭ ބުނީ؟.” ފިރާޒު ފެންނަންވީއިރަށް ޝާމާ ގޮވާލައިފިއެވެ.
“އަހަރެން މިކަން މިކުރަނީ މީހަކަށްޓަކައި.” ޝާމާއާ ނަޒަރު ސީދާކޮށްލުމެއްނެތި ފިރާޒު ބުނެލިއެވެ.
“ވަޓް؟… ކީކޭ ތިކިޔަނީ؟… ކީއްކުރަން އަހަރެން ގެނައީ؟… ދަނީ!… އިތުރަށް އެންމެ ސުކުންތެއް ވެސް މިތާ ހުންނާކަށް ބޭނުމެއްނޫން.” ޝާމާ ގަޔާނުވިކަން ފިރާޒު ދެނަހުއްޓެވެ.
ޝާމާ އެނބުރިލަންވާއިރަށް ފިރާޒު އޭނާ ހިފަހައްޓައިފިއެވެ. އަނގަމަތީ އަތްއަޅައި ބާރު ވެސް ކޮށްލައިފިއެވެ. ދެ ލޯ ބޮޑުކޮށްލެވިފައި ހުރި ޝާމާއަށް ގަދައެއް ނުދެއްކުނެވެ. އޭނާ ޝާމާ ރަހީނުކުރީއެވެ.
* * * * *
އުދަރެހުން އިރު ގެއްލި އަނދިރިކަން ވެރިވެއްޖެއެވެ. އާމިލްއާއި ޝާއިނާ ތިބީ މާލޭގެ ޕާކެއްގެ ތެރޭގައެވެ. އެތަނުގައި ހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައި އެ ދެ ޒުވާނުން ތިބިއިރު އެމީހުންނާއެކު ހަނާއާއި ޖިއާން ވެސް ބައިވެރިވިއެވެ. ސެމެސްޓަރ ބްރޭކް އަންނަން ކައިރިވެފައި އޮތުމުން ދެކެވެމުންދިޔައީ ލިބޭ ޗުއްޓީ ދުވަސްތަކުގައި އެކުވެރިންގެ މެދުގައި ކަމެއް ރޭވުމަށެވެ. ޝާއިނާގެ ފޯނު ރިންގުވާން ފެށީ އެންމެން ވާހަކައިގައި ތިއްބައެވެ. އުނގުމަތީ އޮތް އަތްދަބަހުން ފޯނު ނަގައި ޝާއިނާ ބަލާލިއެވެ.
“ޝާމާ އެ ގުޅަނީ…” ޝާއިނާ މިހެން ބުނެލުމާއެކު އާމިލްގެ ނަޒަރު އަމާޒުވެލިއެވެ. އެ ބަލާލުމުގައި ތަފާތެއް އަސަރެއް ވިއެވެ.
“ހެލޯ!… ތީ ކާކު؟… އާން!… މީ ޝާއިނާ. ކިހިނެއްވީ؟… ވަޓް؟… ކީކޭ… ތީ ކާކު… ތީ ކާކުކަން ބުނެބަލަ…” ޝާއިނާގެ އަޑު ބާރުވެލިއެވެ. އެހެންނަމަވެސް އޭނާ ކުރި ސުވާލުތަކަށް ޖަވާބު ނުލިބި ފޯނު ކަނޑާލައިފިއެވެ. އަޖައިބުވެފައި ހުރިއިރު ޝާއިނާގެ މޫނުން ކަންބޮޑުވުން ވެސް ފާޅުވެއެވެ. އޭނާ ވަގުތުން ކޮޅަށް ތެދުވެއްޖެއެވެ. ޝާއިނާގެ ހާސްކަންފެނި އާމިލް ގޮވާލިއެވެ.
“ޝާމާއެއްނޫން… ޝާމާ ކިޑްނެޕްކޮށްގެން އެއުޅެނީ…” ހާސްވެ ކަންބޮޑުވެފައި ހުރެ ޝާއިނާ ބުންޏެވެ. އެންމެންގެ ސަމާލުކަން ޝާއިނާ ދެއްކި ވާހަކައަށް ހުއްޓިއްޖެއެވެ.
ޝާމާ ދާނެހެން ހީވާ ހުރިހާ ތަނަކަށް އެންމެން ދިޔައެވެ. ކޮލެޖުގައި ނެތުމުން ލައިބްރަރީއަށް ގޮސްދާނޭ ހީވެ އެތަން ވެސް ބެލިއެވެ. ހަތަރު މީހުން ވަކިވަކިން އެކިތަންތަން ބެލުމަށްފަހު އެނބުރި އައިސް އެއްތަނަކުން ބައްދަލުކުރިއެވެ. އެންމެން ވެސް ތިބީ ވަރުބަލިވެފައެވެ.
“ދެން މަންމަމެންނަށް އަންގަންވީނު؟. ނޫނީ ފުލުހުންނަށް ގުޅަމާ.” ހަނާ ޚިޔާލު ފާޅުކުރިއެވެ.
“ނޫން… ނޫން…” ކުއްލިއަކަށް ޝާއިނާއަށް ބުނެވުނެވެ.
“އިނާ…” ހަނާ ހުރީ ސުވާލު އުފެދިފައި ހުރި ފަދައިންނެވެ.
“އެމީހުންނަށް އަންގާނީ އަދި ފަހުން. ބައްޕަ ވެސް އިއްޔެ އެފުރީ އޮފީސް ދަތުރެއްގައި، މަންމަ އެކަނި ހުންނާނީ… ހިޔެއްނުވޭ އަދި ގެއަށް އައިހެން ވެސް… ފުލުހުންނަށް ގުޅައިފިއްޔާ މާކަންތައް ގޯސްވެދާނެ.” ޝާއިނާގެ ވިސްނުން ހުރި ގޮތް އެކުވެރިންނަށް ބުނެދޭން އޭނާ މަސައްކަތް ކުރިއެވެ. ޝާމާއަށް ކަމެއްވެދާނޭ ކަމުގެ ބިރު ޝާއިނާގެ ހިތުގައި މާ ބޮޑެވެ.
“އަދި ބަލާނީ ޚަބަރެއްވޭތޯ… ޝަންނު ހާސްނުވޭ، އަހަރެން އެބަ ބަލަން ޝާމާ ފެނޭތޯ.” އާމިލް ބުންޏެވެ. އޭނާ ފޯނު ހިފައިގެން އެންމެނާ ދުރަށް ޖެހިލިއެވެ. އާމިލްއަށް ކަމެއް ހީވާކަން ޔަގީނެވެ. އޭނާ ބޭނުންވީ ޔަގީންކުރާށެވެ.
“ހޭ!… މަށޭ… އާމިލް، މިއަދު ކޮލެޖަށް ދިޔައީންތަ؟. އެހެންތަ… އަހަރެން އެއްޗެއް އަހާލަން ވެގެން. އެނގޭތަ ފިރާޒު އުޅޭ ގެ؟. އޯކޭ…ތޭންކްސް.” އާމިލް ފޯނު ބޭއްވިއެވެ.
* * * * *
“ޔޫ ލުކް ގްރޭޓް…” ތަޅުމުގައި ދެފައިމަތީ އިށީނދެ އިން ޝާމާއަށް ބަލަން ހުރެފައި ފިރާޒު ބުންޏެވެ. ޝާމާ ދެ ލޯ ބޮޑުކޮށްލިއެވެ. އަނގަ ހަރަކާތްކުރި ނަމަވެސް އަނގަމަތީ އައްސާފައި އޮތް ފޮތިގަނޑުގެ ސަބަބުން ކިޔާ އެއްޗެއް ސާފެއްނުވެއެވެ.
“އެއްޗެކޭ ބުނަން އޮތިއްޔާ އަޑުއަހާފާނަން.” ޝާމާގެ ކުރިމަތީ ފިރާޒު ކުޑަކަކޫ ޖަހާލުމާއެކު އޭނާގެ އަނގަމަތިން ފޮތިގަނޑު ނެގިއެވެ.
“މީހެކޭ… ސަލާމަތްކޮށްދީ…” ޝާމާ ވަގުތުން ހަޅޭލަވަން ފެށި ހިނދު ފިރާޒު އޭނާގެ އަނގަމަތީ ހިފެހެއްޓިއެވެ.
“ކާކަށް އިއްވަން ތި ހަޅޭލަވަނީ، ޖެހިގެން ހުރި ގެއަކީ ފަޅުގެއެއް، އެގޭގަ އެއްވެސް ބަޔަކު ނޫޅޭނެ، މިތާ ކައިރިއަކު ތިއަޑު އިވިގެން އަންނާނޭ ބަޔަކު ނެތް.” ފިރާޒު ބުންޏެވެ.
“ކީއްވެ ތިހެން ތިހަދަނީ؟…” ޝާމާ ޖެހިލުންވެފައި ފިރާޒާ ނަޒަރު ސީދާކޮށްލިއެވެ. ޝާމާގެ އަނގަމަތިން އަތްނަގައި އޭނާއާ ދުރަށް ފިރާޒު ޖެހުނެވެ. ޝާމާ އިނީ ދެއަތް ފުރަގަހަށްލާ ބަނދެފައެވެ.
“އަހަންނަށް ޑިސްރެސްޕެކްޓް ކުރީމަ. ކަލޭމެން ދެ މީހުން ވެސް… ކަލޭމެން ހީކުރާކަހަލަ ތީ ލައްކައެކޭ.” ފިރާޒު ބުނެލިއެވެ.
“އަހަރެމެން ދެ މީހުންކުރެ އެކަކުވެސް ކަލެއާ ރައްޓެހިނުވީމަތަ، އެހެންވެ ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ. ކާކުތަ އުޅެނީ ތިކަހަލަ ލޫޒާއަކާ ރައްޓެހިވާން. ޔޫ އާ ޖަސްޓް ޕެތެޓިކް..” ޝާމާގެ އަޑުގައި އެއްވެސް އަސަރެއްނެތް ނަމަވެސް ފިރާޒަށް ހީވީ އަނެއްކާ ވެސް އޭނާއަށް މަލާމާތްކުރީ ހެންނެވެ.
“ވަޓް…” ފިރާޒު އެއްޗެކޭ ބުނަން އުޅުނު ހިނދު އަނެއްކާ ވެސް ޝާމާ ވާހަކަދެއްކިއެވެ.
“ކޮންމެ ކަމެއްގައި ވެސް އިލްޒާމު އަޅުވާނީ އެހެންމީހުންގެ ބޮލުގައި، ކަލޭ ބޭނުންވާ ގޮތަށް ހުރިހާކަމެއް ވާންޖެހޭނީ، ރައްޓެހިވާން އަހައިފިއްޔާ ނޫނެކޭ ބުނެގެން ނުވާނެ… ކުލާހުގަ މާކްސް މަދުން ލިބިއްޖެނަމަ، އެއީ ލެކްޗަރާގެ ނުބައިކަން… އޭނާ ކަލެއާ ޖައްސާލާފައި ހުރީ… އަބަދުވެސް ކޮންމެކަމަކީ ވެސް އެހެންމީހުންގެ ކުށް. އެއްފަހަރު ވެސް ފިރާޒު ހިތަކަށް ނާރާތަ؟… މިހުރިހާކަމަކީ ތިމާމީހާގެ ކުށޭ… މައްސަލައެއް ހުރިއްޔާ ހުރީ އަމިއްލަ މީހާގެއޭ…” ޝާމާ ހީވީ ކަމެއް ޔަގީންކޮށްދޭން ފިރާޒަށް އުޅުނު ހެންނެވެ. ނަމަވެސް ފިރާޒު އައީ ރުޅިއެވެ.
“ޔޫ ބިޗް!… ތިވައްތަރަށް އަނގަފުޅާ…” މިފަހަރު ވެސް ފިރާޒުގެ ވާހަކައަށް ހުރަސް އެޅީ ޝާމާއެވެ.
“އެންމެ ފުރަތަމަ ދުވަހު ވެސް ފިރާޒު ދުށީ އަހަންނަކީ އެހެން މީހެއްގެ ޖާގަ ފުރާލުމަށް ހުރި އަންހެންކުއްޖެއްގެ ގޮތުގައި… އަހަރެންގެ ދައްތަ ނުލިބުނީތީ އަހަންނާ މެދު ޝައުގުވެރިވީ. އަޅެ ދޮގެއްތަ މިބުނީ؟… ދެން ބުނެބަލަ، މިތަނުގައި ކާކު ކާކަށް ޑިސްރެސްޕެކްޓް ކުރެވިފަ އޮތީ….” ޝާމާ މާޔޫސްވިކަން ދައްކާލަމުން އިސްޖަހާލިއެވެ. އަދި ދެން ވާހަކަދެއްކިއިރު އޭނާގެ އަޑު މަޑުވިއެވެ.
“ހަމައެކަނި ފިރާޒު އަހަންނަށް ތެދުވެރިކަމާއެކު ކުރިމަތިލީ، އަހަރެން، އަހަރެންގެ ދައްތައަށްވީމަ. އޭނާ ފަދައިން އަހަރެންގެ ހަރަކާތްތައް ބެހެއްޓުމުން…. ފިރާޒު ބޭނުންވަނީ އަހަންނެއްނޫން. އަހަރެންގެ ދައްތަ ޝާއިނާ. އެހެންވެ… އެހެންވެ އަހަރެން ފިރާޒުއާ ވާހަކަދައްކަން ފޫހިވީ.” އިސްޖަހާލައިގެން އިނދެ މޮޅިވެރިކަމާއެކު މަޑުމަޑުން ޝާމާ ބުންޏެވެ. ފިރާޒު އައިސް ހުރި ރުޅި ވަގުތުން މަޑުވެ، މީހާއަށް އަޖައިބުކުރަނިވި ހައިރާންކަން ލިބިގެންދިޔައެވެ.
“ވަޓް… ވަޓް ދި ހެލް… ކީކޭ ބުނަން ތިއުޅެނީ..؟” ފިރާޒަށް ބުނެވުނެވެ.
“އަހަރެންގެ ދައްތަ ނުރުހޭކަން ފާޅުގައި ހާމަކުރާއިރު ވެސް ފިރާޒު ހުރީ އޭނާ ބޭނުންވެފައި، އެހެންވެ އަހަރެން ވެސް ފިރާޒާ މެދު އެފަދައިން ޢަމަލުކުރީ، ކޯލްޑް ބިޗްއަކަށްވީ، ނުރުހޭކަން ދެއްކީ… އަނެއްކޮޅުން އޭނާގެ ބޯއިފްރެންޑް ވެސް ސެޑިއުސް ކުރީ…. އެކަމަކު އެންމެ ފަހުން އަހަންނަށް މާ ބޮޑަށް ފިރާޒު ކަމުދިޔައީ، ފިރާޒުދެކެ ލައިކް ވެވުނީ…” ޝާމާ ބުންޏެވެ.
“ކަލޭ މަގޭ އަތުން މަރުވާން ނޫނީ ދޮގު ނުހަދާތި…” ހަރުކަށިކަމެއް ދައްކާލަމުން ފިރާޒު ބުންޏެވެ. އެހެންވިޔަސް އޭނާ ހުރީ ރުޅި އައިސްފައެއް ނޫނެވެ. ޝާމާ ދެއްކި ވާހަކަތަކުން ޤަބޫލުކުރަންވީ ކީކޭކަމެއް ނޭނގިފައެވެ. އެހިނދު ޝާމާ އިސްއުފުލާލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލުން ފިރާޒަށް ބަލާލިއިރު ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމްދޫކޮށް ޝާމާގެ ދޮން ކޯތާފަތުން އޮހިގަންނަން ތައްޔާރުވަނީއެވެ.
“އަހަރެން ފެންނަހާ ފިރިހެނެއްކައިރީ، އެމީހުން ކިއުޓް އޭ ކިޔަމަކުން ނުދުވަން. އަދި ކޮންމެ ކޮންމެ ފިރިހެނަކާއެކު އެކަހަލަ ގުޅުމެއް ވެސް ނުހިންގަން. އަހަރެން ބޭނުންވީ ފިރާޒު އަހަރެންގެ ގޮތުގައި ބަލައިގަންނަން، އަހަރެންގެ ދައްތަގެ ހިޔަނީގެ ގޮތުގައެއްނޫން. އެހެންވެއްޖެނަމަ، އަހަރެން އުފަލުން ފިރާޒުގެ މީހަކަށްވާނަން.” ޝާމާގެ ކޯތާފަތް ތެމިއްޖެއެވެ.
ފިރާޒު ބަލަން ހުރީ ދެން ހަދާނީ ކިހިނެއްކަން ނޭނގިފައެވެ. ފުންނޭވާއެއް ލުމާއެކު އޭނާ ބޮލުގެ ފުއްކިބައިގަ އަތްހާކާލިއެވެ. ޝާމާ ރޯތަން ދުށުން އުނދަގޫވެގެން އޭނާއަށް ފިރާޒު ފުރަގަސްދިނެވެ. ދެކޮޅަށް ހިނގާލުމަށްފަހު އަނެއްކާ ވެސް ހަށިފުރާ އޭނާ ނޭވާއެއް ދޫކޮށްލިއެވެ. ދެން އައިސް ޝާމާގެ ކުރިމަތީ ހުއްޓުނެވެ.
“އަހަރެން ނިންމައިފިން…” ފިރާޒު ކުއްލިއަކަށް ބުންޏެވެ. ޝާމާ ބޮލުން ކޮށްލި އިޝާރާތުން ކޮންކަމެއްތޯ އަހާލި ކަހަލައެވެ.
“އަސްލު، އަހަރެން ޝާމާގެ ދައްތައަށްވުރެ ޝާމާދެކެ ބޮޑަށް ލައިކްވޭ. ހަމަތެދަށް މިބުނީ… އެހެންވެ ފިލްމަށްދާން ވެސް އެހީ. ޝާމާ!… އަހަރެން ތި އެދުނު ފަދައިން ކަންތައްކޮށްދޭނަން. ދުވަހަކުވެސް ޝާމާއާ ޝާމާގެ ސިސްޓަރއާ އަޅާނުކިޔާނަން.” ފިރާޒު ނުކެރިފައި ހުރި ގޮތަކަށް ވާހަކަދެއްކިއެވެ. ލޯބީގެ އިޒްހާރު އަންހެންކުއްޖެއްގެ ކުރިމަތީ އެހާ ފާޅުކޮށް ހާމަކުރަންވުމުން ފިރާޒު ވެސް ލަދުގަނެ ޖެހިލުންވާގޮތްވީއެވެ.
“އަސްލުވެސްތަ؟.. ޔޫ މީން އިޓް؟.” ކަމެއް ބޭނުންވެފައި އިން މީހެއްގެ ފަރާތުން ފާޅުވާނޭ ކެތްތެރިކަން ކުޑަކަން ޝާމާގެ ދެ ލޮލުން ފާޅުވަމުން ދިޔައެވެ.
“އާން!… އެކަމަކު އިހަށް… ރުއިން ހުއްޓާލަފާނަންތަ؟… މީ… ޝާމާ… އަހަރެން ހަގުކޮށްލަންތަ؟.” ފިރާޒު ބޯކަހާލިއެވެ. އާނއެކޭ ބުނެ ހުއްދަދިނުމުގެ ގޮތުން ޝާމާ ބޯޖަހާލިއެވެ. އެއާއެކު ފިރާޒަށް ދުރަކު ނުހުރެވުނެވެ. ޝާމާގެ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ އެ ހަށިގަނޑުގައި ފިރާޒު ބައްދާލައިފިއެވެ. ލޯތްބާއެކު ޝާމާގެ ކޯތާފަތުގައި ބޮސްދިނެވެ.
ދޮރުން ބާރު އަޑެއް ކިއުމާއެކު އެތެރެއަށް ވަނީ އާމިލްއެވެ. ދޮރުގެ ތަޅު ހުރީ ފެލާލާފައެވެ. އޭނާއަށް ފެނުނީ ތަޅުންމަތީ ދެއަތް ބަނދެފައި އިން ޝާމާގެ ގައިގާ ފިރާޒު އޮޅުލައިގަނެގެން އިންތަނެވެ. ދާހިއްލާ ފޯވެފައި ހުރި އާމިލްގެ ނޭވާ ހީވަނީ ކުރުވެފައި ހުރި ހެންނެވެ. އެ އައީ ދުވެފައި ކަހަލައެވެ. އިސްތަށިގަނޑު ހޭވި ނިތްކުރިމައްޗަށް ފައިބައިފަ އޮތެވެ. އޭނާގެ ދެ ލޯ ބޮޑުވެ މީހާ ހުއްޓުން އަރާފައި ހުރުމަށްފަހު “ފެނިއްޖެއޭ…” ބުނެލިއެވެ. އިވުނު އަޑުފަށްގަނޑުން ފިރާޒު ބަލާލީ ޝާމާގެ ގައިން ދޫކޮށްލުމެއްނެތިއެވެ. އާމިލް ވަދެ ހުރިތަން ފެނި އޭނާ ވެސް ދިޔައީ ސިއްސައިގެންނެވެ.
“ކަލޭ… ކަލެއަށް ކިހިނެއް މިތަނަށް އަންނަން އެނގުނީ؟.” ފިރާޒު ސުވާލުކުރިއެވެ. އަނގައިން ބުނުމުގެ ކުރީން އާމިލް މުއްކަވާފައި ހޫރާލި އަތުގެ އެތިފަހަރު އެރީ ފިރާޒުގެ މޫނަށެވެ. އޭނާ ޝާމާގެ ކައިރިއަށް ތަޅުން މައްޗަށް ވެއްޓުނީއެވެ. އާމިލް ހީވަނީ އިންތިހާއަށް ރުޅިއައިސް ރަތްވެފައި ހުރީ ހެންނެވެ. ބުޅާގަނޑެއްހެން ފިރާޒު ފަހަތަށް ފަހަތަށް ދިޔައެވެ.
“މިކަހަލަ ކަމެއް ކަލޭ ނޫނީ ދެން ކުރާނީ ކާކު؟. މީ ކަލޭ އަލަށް ކުރިކަމެއްނޫން.” އާމިލްގެ އަޑު ބާރެވެ. އޭނާ ޝާމާއާ ގާތްވެލިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެލައި ޝާމާގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ.
“އާ ޔޫ އޯކޭ؟… ތަނަކަށް އަނިޔާއެއްވިތަ؟.” މަޑުމައިތިރިކަމާއެކު އާމިލް އަހާލިއެވެ. އަދި ޝާމާގެ ދެއަތް މޮހާލަދިނެވެ.
“ޔާ، އަހަރެން އޯކޭ.” ޝާމާ ޖަވާބު ދިނެވެ.
“ޔޫ… ޔޫ ބާސްޓަޑް.” ފިރާޒު ހަޅޭލަވައިގަތެވެ. އެހިނދު އާމިލް ފަސްއެނބުރި ބަލާލިއެވެ. ފިރާޒުގެ އަތުގައި އޮތް ވަޅި އޭނާއަށް ފެނުނީ ދެނެވެ.
“ކަލޭ ކޮންމެ ފަހަރަކު އަހަރެންގެ ކަންކަމުގެ ތެރެއަށް ވަންނަންޖެހޭތަ؟. ކިހާ ބޮޑު ބަލ**، އެކަމަކު ދެން ހެޔޮ. މިފަހަރު މީ ކަލޭގެ ނިމުން.” ފިރާޒު ހަޅޭލަވައިގަތެވެ. އާމިލް ވެސް ޖެހިލުންވީ ދެނެވެ. އެހިނދު ފުންމައިގެން ތެދުވި ޝާމާ ގޮސް ފިރާޒުގެ އަތުގައި ދެއަތުން ހިފައި ރޯންފެށިއެވެ.
“ނޫން ފިރާޒު… ޕްލީޒް… ސްޓޮޕް އިޓް!.” ޝާމާ އާދޭސް ކުރިއެވެ. ފިރާޒުގެ ހަރަކާތްތަކަށް ހުއްޓުވީ އެހިތުގައި ޝާމާއަށް ޓަކައި ޖަހަމުން ދިޔަ ޚާއްޞަ ވިންދެވެ.
“މިވީ ކަންތައް ހަނދާންނައްތާލާފައި، އޭނާ ދޫކޮށްލާ… މީނުވާ ކަމަކަށް ހަދާ” އާމިލްއަށް ބަލާލަމުން ޝާމާ އެދުނެވެ.
“ތިކިޔޭ އެއްޗެއް އެބައެނގޭތަ؟. ހަނދާންނައްތާލާށޭ؟. ނުވާކަމަކަށް ހަދާށޭ؟. މިހުރިހާ ކަމެއް ހިނގީމާ ވެސްތަ؟.” ޝާމާ ބުނި އެއްޗެއް އާމިލްއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާ ބޭނުންވަނީ ފިރާޒަށް ހައްޤު އަދަބު ދޭށެވެ.
ދުވަމުން ކަހަލަ ގޮތަކަށް ހަނާއާއި ޝާއިނާއަށް އެގޭ ތެރެއަށް ވަދެވުނީ އަދިކިރިޔާއެވެ. ފިރާޒު ވަޅިއެއް ހިފައިގެން ހުރިތަން ފެނުމާއެކު ޝާއިނާއަށް ބާރަށް ހަޅޭލަވައިގަނެވިއްޖެއެވެ.
“އޭރު ވެސް ހީވި، މީ މީނާ ކުރާ ކަމެކޭ. ޔޫ ކްރޭޒީ ބާސްޓަޑް، މިވަރުކަމެއް ކުރަން ކަލެއަށް ކެރުނީ ކިހިނެއް؟. މީހުން ކިޑްނެޕްކޮށް ވަޅި ހަރަން ރެޑީގަ… ބޮޑު ކުށެއްތިކުރީ. މިފަހަރު ސަލާމަތެއްނުވާނެ.” ބިރުން ހުއްޓެއްކަމަކު ހަނާގެ އަޑުގައިވީ ރުޅިވެރިކަމެވެ.
“ނޫން… ޕޮލިހަށް ނާންގާތި. މިކަން ބޮޑުކޮށްލާކަށް ބޭނުމެއްނޫން. އަހަންނަށް އެއްވެސް އަނިޔާއެއް ނުލިބޭ. މިތަނުން މިތަނަށް މިކަން ނިންމާލަން ބޭނުމީ…” ފިރާޒުގެ ކުރިމަތީ ހުއްޓި ދެއަތް ފުޅާކޮށްލައި އޭނާ ދިފާއު ކުރާ އުސޫލުން ޝާމާ ބުންޏެވެ.
“ދިސް އިޒް ސޯ ޕެތެޓިކް… މި މީހުން އަހަރެން ކުށްވެރިކުރަންދެން މިހެން ހުންނަންވީތަ؟.” ފިރާޒު އަމިއްލަ ހިތާ ސުވާލުކުރިއެވެ. އޭނާ އެހެން ހިތަށް އެރިއިރު ވެސް އެގޮތް ބޭނުންނުވާކަން ސާފުވެ ޔަގީންވެއެވެ. ވާހަކަދެއްކީ އެހެންވެއެވެ.
“މައްސަލައެއްނެތޭ. ގުޅާބަލަ ޕޮލިހަށް. އަހަރެންގެ މައްސަލައެއްނެތް ބަންދުކުރިޔަސް، އެކަމަކު އަހަރެން ދައްކާ ވާހަކަ އިހަށް އަޑުއަހާ. އަހަރެން ޤަބޫލުކުރަން މިކަންތައް މިދިޔައީ ގޯސްކޮށްކަން. މީ ވެސް ކިޑްނެޕްކުރުންކަން. އެކަމަކު މީ އަހަރެންގެ އައިޑިއާއެއްނޫން. މިކަން ޕްލޭން ކުރީ މަށެއްނޫން. އަހަރެން މިހުރިހާކަމެއް ކުރީ އަހަރެން ގާތު މިހެން ކަންތައްކޮށްދޭން މީހަކު އެދުނީމަ. އެމީހަކީ ތީ… ޝާއިނާ… ޝާމާގެ ދައްތަ ބުނީ.” ފިރާޒުގެ ނަޒަރު ޝާއިނާއާ އަމާޒުވެލިއެވެ. އަޖައިބުވެ އަންތަރީސް ވެފައި ޝާއިނާ ހުރި އިރު ހަނާއާއި އާމިލްގެ ސުވާލުގެ ނަޒަރު ވެސް ހުރީ އަމާޒުވެފައެވެ.
“ކީކޭ؟… ކޮންކަހަލަ ދޮގު ވާހަކައެއް ތިދައްކަނީ؟.” ޝާއިނާއަށް ބުނެވުނެވެ.
“ތިގޭ ދޮށުން ދިމާވެގެން އަހަރެން ކައިރީ ހުރިހާ ވާހަކައެއް ދެއްކީ. ޝާއިނާ ބުނީމެންނު ޝާމާއަށް ފާރަލާށޭ، ވަންޏާ އޭނާ ކިޑްނެޕްކޮށްދޭށޭ. ބިރުދައްކާށޭ. އަހަރެން ބޭނުންކަމެއް ކުރިޔަސް އޯކޭއޭ.” ފިރާޒު ޔަގީންކަމާއެކު ވާހަކަދެއްކިއެވެ.
“ނުވާނެ… ތީ ދޮގެއް. ފިރާޒުއާ ބައްދަލުވެ ތިވަރުގެ ވާހަކައެއް ދެއްކޭއިރު ނޭނގެން އަހަރެން ހުރީ ހޭބުއްދިފިލާފައެއްނޫނޭ. ތީ ހަމަ ބޮޑު ދޮގެއް. އަހަރެން އެކަހަލަ ކަމެއް ކުރަންވީ ކޮންބޭނުމަކު. މަށޭ ކިޔައިގެން ދޮގު ހެދިޔަސް، މީހަކު ޤަބޫލުކުރާވަރުގެ ދޮގެއް ހެދިނަމަ. ކާކު ތި ވާހަކަ ޤަބޫލުކުރާނީ.” ޝާއިނާ ބުންޏެވެ.
“ނޫން އިނާ. އަހަރެންނަށް އެވާހަކައަކީ މުޅިން ދޮގެކޭ ބުނަން އުނދަގޫ. މިކަމުގައި ފުރަތަމަ ފޯނުކޯލު އައި މީހަކީ ވެސް ތީ. އަނެއްކާ އަހަންނަށް ވިސްނައިގަންނަން އެންމެ އުނދަގޫ ކަމަކީ… މިކަމުގައި އިނާ އެއްވެސް މީހަކަށް އަންގަން ބޭނުންނުވީމަ. ޝާމާ ގެއްލުނީމަ ފުރަތަމަ ވެސް އަވަހަށް ޕޭރެންޓްސްއަށް އަންގަންވާނެ، ޕޮލިހަށް ވެސް ރިޕޯޓް ކުރަންވާނެ… އަމިއްލައަށް ހޯދަން އުޅުމަށްވުރެ އެމީހުން މިކަހަލަ ކަންކަމަށް މާކުޅަދާނަވާނެ. އެކަމަކު އިނާ ބޭނުންވީ އެމީހުންނަށް ނޭނގި އަމިއްލައަށް ޝާމާ ފެނޭތޯ ބަލަން. އަނެއްކޮޅުން ޝާމާއާ ބެހޭ ގޮތުން އަބަދު އިނާ ދައްކާ ވާހަކަތޯ. އިޓްސް ނޮޓް ނޯމަލް… އިޓްސް މޯ ލައިކް ޔޫ އާ އޮބްސެސްޑް ވިތް ހާ. މިހެން ނުބުނަން ހުރީ. ބަޓް ދިސް އިޒް ޓޫ މަޗް.” ހަނާ ވާހަކަދައްކަމުން ޖެހިލީ އާމިލްއާއި ޝާމާ ހުރި ދިމާއަށެވެ.
“ހަ…ނާ… ހަމަ ތެދެއް މިބުނީ، އެއީ ހުސް ދޮގު. އަހަރެން ހަނާއާއި އަމްމުއަށް ދޮގެއް ނުހަދާނެއެއްނު. ދެން ކީއްވެ ތިހެން ތިބަލަނީ. ފިރާޒު ދައްކާ ވާހަކަތަ ތި ޤަބޫލުކުރަނީ؟. ތިއެންމެން އެގޮތަށް ނިންމީތަ؟. މީ އަހަރެން ކުރިކަމެކޭ.” ޝާއިނާއަށް ހުރެވުނީ ގަބުވެފައެވެ. މިވީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ކޮއްކޮގެ އެންމެ ގާތުގައި ވައަތްފަރާތުގައި ޝާއިނާގެ ލޯބިވެރިޔާ ހުއްޓިލައިގެން ހުރިއިރު އެ ކޮއްކޮގެ ކަނާއަތް ފަރާތުގައި ހުރީ ޝާއިނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަމަކު އެ ދެމީހުންގެ ބެލުމުގައި ޝާއިނާއަށް ޓަކައި ގާތްކަމެއް ނެތެވެ.
(ނުނިމޭ)