“ކަލޭ ބޭނުންކަންތައް ވެދާނެ… އައި ވިލް ސްލީޕް ވިތް ޔޫ.” ޝާމާ ބުންޏެވެ. އަޖައިބުވީވަރުން ފިރާޒުގެ އަނގަ ހުޅުވުނެވެ. ދެ ލޯ ބޮޑުކޮށްލައިގެން އިރުކޮޅަކު ޝާމާއަށް ބަލަން ހުއްޓެވެ. ޝާމާގެ ޖެހިލުންކުޑަކަމާއި އޭނާ އެބުނީ ތެދުކަން ފިރާޒަށް ޤަބޫލުކުރަން ވަގުތުކޮޅެއް ނެގިއެވެ. ދެން ފެނުނީ މަޢުނަވީ ހިނިތުންވުމަކުން ފިރާޒުގެ ތުންފަތް އެއްމިޔަކަނުން ދެމިލިތަނެވެ.
* * * * *
ދެ ދުވަސް ފަހެވެ. ޝާމާގެ ހުށަހެޅުން އިވުނު ފަހުން ފިރާޒަށް އަބަދުމެ ހުރެވެނީ އެ ޚިޔާލުގައެވެ. އެ ދެމެދުގައި އޭނާ ބޭނުންވާ ފަދަ ގުޅުމެއް ހިނގާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ޝާމާގެ ކޯލެއް އައީ ކޮލެޖަށް ދާން ގަޑި ކައިރިވެފައި ހުއްޓައެވެ. ކުލާސްތައް ފެށުމުގެ ކުރީން އެމީހުން ކުރިން ވެސް ބައްދަލުކުރާ ތަނަށް އައުމަށް ޝާމާ އެދުނެވެ.
“މިފަހަރު ކީކޭ ބުނަންބާ އެތަނަށް އަންނަން އެބުނީ…” ސިޑިން އަރަމުން އައި ފިރާޒުގެ ހިތަށް އެރިއެވެ. ހަމައެއާއެކު އޭނާގެ އަތުގައި އޮތް ފޮޓޯގެ ސަބަބުން މިވަރުގެ ފުރުޞަތެއް ހުޅުވިގެން ހިނގައިދާނޭ ފިރާޒު ހިޔެއްނުކުރެއެވެ. އެކަމާ ވެސް އޭނާއަށް ޚިޔާލު ކުރެވުނެވެ. އެ ފޮޓޯ އޭނާއަށް ނުހަނު ބޭނުންތެރި އެއްޗަކަށް ވީމައެވެ.
“ވަޓް؟…” ފިރާޒަށް އާދެވުނު އިރު ޝާމާ ހުރީ ކުރިން އައިހެވެ. ފިރާޒަށް ފަރުވާތެރިކަމާއެކު އޭނާ ބަލަން ހުރުމުން ސުވާލުކޮށްލެވުނެވެ.
“އިޓްސް އޮންލީ އަ ވަން ޓައިމް ތިންގް” ޝާމާ ބުނެލިއެވެ.
“ތިބުނީ…” ފިރާޒު ނޭނގޭކަމަށް ހެދުނީ ޔަގީންކުރުމަށެވެ.
“ފިރާޒާއެއްކޮށް އަހަރެން ސެކްސް ހަދާނީ އެންމެ ފަހަރަކުއޭ.” އެއްވެސް އަސަރެއްނެތް ފަދައަކުން ޝާމާ ބުނެލިއެވެ.
“އެހެންވީރު ކޮންތާކަށް ދާން…” ފިރާޒު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރުމުގެ ކުރީން ޝާމާ ވާހަކަދެއްކިއެވެ.
“މިހާރު މިވަގުތެއްނޫން، ތިގެންގުޅޭ ފޮޓޯ ޑިލީޓުކޮށް މިއިން އެއްވެސް ވާހަކައެއް ނުދެއްކުމަށާއި އަހަންނާ ދުވަހަކުވެސް ކޮންޓެކްޓް ނުކުރަން ނިންމައިފިނަމަ، އެހެންނޫނީ އަހަރެންގެ ފަރާތުން އެއްކަމެއް ވެސް ނުވާނެ، އެ ޔަގީންކަން އަހަރެން ދެން.” އިންޒާރުގެ ބެލުމަކުން ޝާމާ ބަލާލިއެވެ.
“އެއީ އަހަރެން ބުނެލަން ބޭނުންވި ވާހަކައަކީ.” ފިރާޒު އެއްޗެކޭ ބުނޭތޯ ވެސް ބެލުމެއްނެތި ޝާމާ ދާން ހިނގައިގަތެވެ.
ހައިރާންކަމާއެކު ގަބުވެފައި ހުރި މީހަކު ފަދައިން ފިރާޒަށް ހުރެވުނީއެވެ. ރުޅިއައުމުގެ ބަދަލުގައި މިފަހަރު އޭނާ ސިކުނޑީގެ ބޭނުން ހިފިއެވެ. ޝާމާގެ ފަރާތުން ފެންނަ ބޮޑާކަން ކަނޑުވާލާނޭ ގޮތަކާމެދު އޭނާ ވިސްނިއެވެ. ފިރާޒުގެ ބާރުގެ ދަށަށް އެ އަންހެންކުއްޖާ ގެނެވިއްޖެނަމަ އޭނާގެ ކުރިމަތީ އެ ގަދަކަން ދައްކާކަށް ނުކެރޭނޭ ފިރާޒަށް ވިސްނުނެވެ.
“އެހެންވިޔަސް ދޯ… ކޮންކަހަލަ ދެބެންނެއް އެއީ. ބޯ ހަލާކު. ދައްތަ ބޭނުންވަނީ ކޮއްކޮއަށް އަހަރެން ފާރަލާން. ކޮއްކޮ ހުރީ ހުރިހާކަމެއް އޮއްބާލަން އޭނާގެ ހަށިގަނޑު ވެދުންކުރަން ތައްޔާރަށް. އޯ!… އަހަރެން ވިސްނުންތެރިކަމާއެކު މިކަން ކޮށްފިނަމަ، ފަހަރެއްގައި ދެކޮޅުން ވެސް ކެވިދާނެ. އައި ކޭން ހޭވް ދެމް ބޯތް.” ޒާތެއްގެ ހިންޏެއް ފިރާޒު ގާތަށް އައެވެ.
ހަނާއާއި ޖިއާންއާއެކު ޝާއިނާ އައީ އާޓްސް އިމާރާތުން ނުކުތުމަށެވެ. އެތަނުގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ލެކްޗަރއެއްގައި ބައިވެރިވެފައެވެ. ޝާއިނާއަށް ފިރާޒު ގޮވާލި އަޑު އިވުނެވެ. ޝާއިނާއަށްވުރެ ކުރީން އެނބުރިލީ ހަނާއާއި ޖިއާނެވެ.
“ކޮންކަމެއް ބޭނުންވީ؟.” ފިރާޒު ފެންނައިރަށް ޝާއިނާ ބުނެލީ ހަރުކަށިކޮށެވެ.
“މިތާ އެންމެންގެ ކުރިމަތީ ބުނުން ރަނގަޅެއްނުވާނެ. އެހެންވީމަ އަހަރެމެން ދެމެދުގައި ދެކެވިފަ އޮތް ވާހަކައާ ގުޅޭ ގޮތުން ވާހަކަދައްކަން އެހެންތާކަށް ދަމާ.” ފިރާޒު ބުނެލިއެވެ.
“އިތުރަށް ދައްކާނޭ ވާހަކައެއް ނޯންނާނެ. މިވަގުތު އަހަރެންގެ ރައްޓެހިންނާއެކު މިހުރީ. ކީއްކުރަން މިތަނަށް އައީ؟” ޝާއިނާ ހުރީ ރުޅިއައިސްފައެވެ. ފިރާޒުގެ ދެބުމަ ކައިރިވެލިއެވެ. އޭނާ ކުރިއަށް ޖެހިލައި ޝާއިނާގެ އަތުގައި ހިފިއެވެ.
“ލެޓްސް ގޯ އޯލްރެޑީ.” ޝާއިނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަން ފިރާޒު އުޅުނެވެ.
“މޮޔަވީތަ؟ ކީއްތިކުރަނީ؟.” ޝާއިނާގެ އަތުގައި ހިފައިގެން ހުރި ފިރާޒުގެ އަތަށް އިޝާރާތްކުރާ ފަދައިން ޝާއިނާ ބުންޏެވެ.
އާޓްސް އިމާރާތަށް ވަންނަން އައި ލިއުޝާއާއި ޝާމާއަށް ބަޔަކު އަޑުގަދަކުރާ އަޑު އިވުނެވެ. ކިހިނެއްވެގެންބާއޭ އުޅެނީ ލިއުޝާއަށް ބުނެވުނެވެ. ޝާމާއަށް ވެސް ފާހަގަވިއެވެ. ކުއްލިއަކަށް އެރި ފޯރީގައި ލިއުޝާ ބުނީ އެވާނީ ދެމީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގަނީކަމަށެވެ. އެމަންޒަރު ބަލަން ދާން އޭނާ ޝާމާއަށް ލަފާދިނެވެ. ކުރިއަށް ގަޑިއެއް ނެތުމާއެކު ކަންބަލަން ގޮސް ތިބެވިދާނޭކަން ޝާމާއަށް ވެސް އެނގޭތީ އެކުވެރިޔާއާއެކު ހިނގައިގަތީ ހަމަނުޖެހުން ހިނގައިގެން އުޅޭ ދިމާއަށެވެ. ކައިރިއަށް ނާދެވެނީސް ޝާމާގެ ލޮލުގައި އަޅައިގަތީ ޝާއިނާގެ އަތުގައި ހިފައިގެން ހުރި ފިރާޒެވެ. ސިހުން ލިބިފައި ޝާމާ ހުއްޓެއްކަމަކު އެ ހާސްކަން އޭނާގެ މޫނުން ފިލައިގެން ދިޔައީ ފިރާޒު ކުއްލިއަކަށް އެތަނުން ދިއުމުންނެވެ. ހިފަހައްޓާލެވިފައި ހުރި ނޭވާ ޝާމާއަށް ދޫކޮށްލެވުނީ ދެނެވެ.
“ކުއްލިއަކަށް އެދިޔައީ ކިހިނެއްވީ؟… ނަސީބެއް ދިޔަކަން…” ހަނާއަށް ބުނެވުނެވެ. ޝާއިނާއަށް ވެސް ފުންނޭވާއެއް ދޫކޮށްލެވުނީ ފިރާޒު އިތުރު ވާހަކައެއް ނުދައްކާ ދާން ނިންމީމައެވެ.
“ސޯ… އޭނާ ކޮންވާހަކައެއް އިނާއާ ދައްކަންވެފަ އޮތީ؟.” ހަނާ ސުވާލުކުރިއެވެ.
“ކިހިނެއް އެނގެނީ. އަހަރެން އަޑުއެހިން އޭނާ ޝާމާގެ ބެކްޕެކަށް ކުރިކަންތައް. ހީ ރިއަލީ އިޒް އަ ޕަވާޓް.” ޝާއިނާ ނުރުހިފައި ބުންޏެވެ. އެއާއެކު ކަމެއް ހަނދާންވެގެން ޝާއިނާގެ ނަޒަރު ހަނާއަށް ހުއްޓާލިއެވެ. އެކުވެރިޔާއާ ދިމާއަށް އެނބުރި ހުރެ ޝާއިނާ ވާހަކަދެއްކިއެވެ.
“ޝާމާއޭ ބުނީމަ، އޭނާ މިހާރު އުޅެނީ ނިކަން ފާޑަކަށް. ހަނދާންވޭތަ ހަނާ އަހަންނަށް ދިން ލާންޖަރީސް ސެޓުގެ މަތިން…” ޝާއިނާއަށް ބުނެވުނީ އެހިސާބަށެވެ. ޝާއިނާ އުޅުނީ އެތަކެތި ގެއްލިގެން އުޅެނިކޮށް ފެނުނީ ޝާމާގެ ކޮޓަރީގައި ފޮރުވާފައި ހުއްޓާކަން އެކުވެރިޔާއަށް ކިޔާދޭށެވެ. ނަމަވެސް އޭނާގެ ނަމުން ހަނާ ގޮވާލީ ތަފާތު ގޮތަކަށެވެ.
“އިނާގެ ކޮއްކޮގެ ވާހަކަ ނުދައްކަފާނަންތަ؟.” ހަނާ ބުންޏެވެ. ޝާއިނާއަށް ލިބުނު ހައިރާންކަން އެމޫނުން ސާފުކޮށް ފެންނަން ހުއްޓެވެ.
“ތެދަށް ބުނަންޏާ، ތިދައްކާ ވާހަކަތައް ދެކޮޅުނުޖެހޭ. ޝާމާ ޖަހަނީ ހިތްހެޔޮ ރަނގަޅު ކުއްޖެއް ފާޑު. އަނެއްކާ އެ ފިރާޒުގަނޑު އެކުއްޖާއަށް ފާރަލާ ނޮހޮރޮއްޕާން ކުރަންފެށިކަން އެނގުނީމަ، އޭނާއާ މެދު ހަމްދަރުދީވެވޭ… އެހެންވީމަ ތިގޮތަށް އަބަދު އިނާ އޭނާއާ ބެހޭ ގޮތުން ވާހަކަދެއްކީމަ، އަހަންނަށް ވަރަށް އުނދަގޫވޭ. ތިކަހަލަ އެއްޗެހި ކިޔަން އެއީ ދުރުމީހެއް ވެސް ނޫން. އެއީ އިނާގެ އަމިއްލަ ކޮއްކޮ.” ހަނާގެ މޫނުން ޝާއިނާގެ ވާހަކަތައް އަޑުއަހަން ބޭނުންނުވާކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
“އޯކޭ…” މަޑުމަޑުން ޝާއިނާއަށް ބުނެވުނެވެ.
“ހަނާ އެހެން އެބުނީ ގޯސްކޮށެއްނޫން. އަހަންނަށް މާގިނައިން ޝާމާގެ ވާހަކަދެއްކެނީ. ރަނގަޅަށް އެބުނީ… ޝާމާއަކީ އަހަރެންގެ ކޮއްކޮ، އެއްރަހިމުގައި އޮވެ ބޮޑުވީ، އެކުގައި ދުނިޔެއަށް އުފަންވީ، އަހަރެންގެ އަމިއްލަ އެދުން މާބޮޑުވަނީ ކަންނޭނގެ، ހަނާއަށް ކުރިން ޝާމާއަކީ އަހަރެންގެ ކޮއްކޮއަށް ވިޔަސް، މިހާރު އޭނާ ދެކެނީ އެހެނެއްނޫން… މިހާރު ޝާމާއަކީ ވެސް ރައްޓެއްސެއްގެ ގޮތުގައި ހަނާ ޤަބޫލުކުރަނީ… އަހަރެން މާ ސެންސިޓިވްއީ، ކޮއްކޮގެ ފުށުން ފެންނަ ތަރައްޤީއާއި ކުރިއެރުމާމެދު އަހަރެން ބިރުގަންނާކަށް ނުޖެހޭނެ. އެހެންވިޔަސް ހަނާއަކީ އަހަރެންގެ ދުވަސްވީ ރަޙުމަތްތެރިއެއް، އޭނާ އެގޮތަށް ބުނީމާ އަހަރެން ދެރަވެއްޖެ، ހިތަށް ތަދުވެއްޖެ… އެކަމަކު… އޭނާއާ ދިމާއަށް މިވަގުތު އެއްޗެއް ބުނެފިނަމަ، އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ގެއްލިދާނެ. އަހަރެން ޝާމާއާ ދެކޮޅުވާން އުޅެނީއޭ މާބޮޑަށް ހީވެދާނެ.” ހިމޭންކަމާއެކު ޝާއިނާ މަޑު ހިނގުމުގައި އައިއިރު އޭނާއަށްވުރެ ކުރިން ހަނާ ހިނގައްޖެއެވެ. އޭނާގެ ފަހަތުން ދާން ޖިއާން ވެސް ދުއްވައިގަތީއެވެ. އެކަނިވީ ޝާއިނާއެވެ.
* * * * *
“ދެން ގިނައިރެއްނުވެ ގުޅާފާނެ. ފޮޓޯތައް ވެސް ޑިލީޓްކުރާނެކަން އެނގޭ. އެހެންނޫނީ ބޮލުގަ ރިހުމަކަށް އެކަންވާނެ. އަހަރެން އެ ހުރިހާކަމެއް ކުރީ އޭނާގެ ބޮލުގައި އެކަން އަޅުވަން. ނަސީބަކުން އެކަން ވެސް ވެއްޖެ. އެންމެން ވެސް ޤަބޫލުކުރި އެއީ ފިރާޒު ކުރިކަމެއްކަން.” އެނދުގައި ވިސްނަން އޮތް ޝާމާގެ ހިތަށް އެރިއެވެ. ފޯނަށް ފިރާޒުގެ މެސެޖު އައި އަޑު އިވުނެވެ. ނިކަން އަވަހަށް ޝާމާ އެނދުން ތެދުވިއެވެ.
ފިރާޒު ގާތު ބައްދަލުކުރަން އަންނަންވީ ތަން ޝާމާ ބުންޏެވެ. އަދި ފިރާޒު އަންނަން ވާއިރަށް އޭނާ ބަހަނާއެއް ދައްކާފައި ގެއިން ނުކުތެވެ. ޢާންމުކޮށް ޝާމާ އައިސް އުޅޭ ދުވަހަކު ކުއްޔަށްދޭ އިމާރާތުގެ ކައިރީ އޭނާ އައިސް މަޑުކޮށްގެން ހުއްޓެވެ. ގިނައިރެއްނުވެ ފިރާޒު ހިނގާލާފައި އެ ދިމާއަށް އަންނަތަން ފެނުނެވެ. ފުރަތަމަ ފަހަރަށް ފިރާޒުގެ ސޫރައަށް ޝާމާ ރަނގަޅަށް ބަލާލިއެވެ. ބިޔަ ހަށިގަނޑެއް ލިބިފައި ނެތަސް އާންމު ދިވެހި ފިރިހެންކުދީންނާ ޚިލާފަށް ދިގު އިސްކޮޅެއް ފިރާޒަށް ލިބިފައިވިއެވެ. ފަހަތަށް ތުނިކޮށް ނިތްމަތިން ބޯކޮށް އޮންނަ ގޮތަށް އޭނާގެ ފަން އިސްތަށިގަނޑު ކޮށާފައި ހުރިއިރު އަބަދުވެސް ފެންނަނީ ކްރީމްލައި އިސްތަށިގަނޑު އޮމާންކޮށްފައި ހުންނަނިކޮށެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓާއި ކަޅު ޖީންސުގައި ފިރާޒުގެ ހަށިގަނޑު ސީދާކަން ފާހަގަވެއެވެ.
“އަހަރެން ބުނިގޮތާ އެއްބަސްތަ؟… ޑިލީޓް ކުރިންތަ؟.” ކުރިމަތީގައި ފިރާޒު އައިސް މަޑުކޮށްލުމުން ޝާމާ އެއްސެވެ.
“ބޭނުމިއްޔާ ބަލާ. ހުރިހާ އެއްޗެއް ޑިލީޓްކޮށްފިން…” ޖީންސުގެ އަރިމަތީ ޖީބުން ފޯނު ނަގައި ޝާމާއަށް ފިރާޒު ދިއްކޮށްލިއެވެ.
“އައި ވިލް…” ފިރާޒުގެ ފޯނުގައި ޝާމާ ހިފިއެވެ. ކޯޑުޖަހަން ބުނުމުން ޝާމާއަށް ފިރާޒު ފޯނު ހުޅުވައިދިނެވެ. އެއާއެކު ފޯނުގެ ފޯލްޑަރުތައް ޝާމާ ބަލަންފެށިއެވެ.
“ސީ!… ނެތެއްނު، އަހަރެން އެ ޑިލީޓްކޮށްފިން… އިތުރު އެއްޗަކަށް ސޭވެއް ނުކުރަން، މި ފޯނުން އޭރު ފޮޓޯ ނެގީ ވެސް، މީގަ އެކަނި އެ ހުރީ… ކަލޭ ބުނިހެން އަހަރެން މި ކަންތައްކުރީ.” ފިރާޒު ބުންޏެވެ.
“މިތަނުން ރޫމެއް ނަގާ.” ޝާމާ ބުންޏެވެ.
ޖެހިލުންވެފައި ހުރެ ވެސް ފިރާޒު އިމާރާތުގެ ތެރެއަށް ވަނެވެ. އޭނާ އެތަނުން ކޮޓަރިއެއް ހަމަޖެއްސިއެވެ. ފައިސާ ދެއްކުމަށްފަހު ކޮޓަރީގެ ތަޅުދަނޑި ލިބުމުން ޝާމާއަށް ކޮޓަރި ހުރި ފަންގިފިލާއާއި ކޮޓަރީގެ ނަންބަރު މެސެޖު ކުރިއެވެ. ބޭރުގައި ހުރި ޝާމާ ހަލުވިކޮށް އެތެރެއަށް ވަނެވެ.
ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލައި އަނބުރާލިއިރު ހުރީ ހުޅުވާފައެވެ. އަވަހަށް ކޮޓަރިތެރެއަށް ޝާމާ ދެމިގަތުމާއެކު ފަހަތުން ދޮރު ލައްޕައި ތަޅުލައިފިއެވެ. އޭރު ދޮރާ ދިމާއަށް ވާހެން އެނދުގެ އަރިމަތީ ފިރާޒު އިށީނދެ ލައިގެން އިނެވެ. އޭނާގެ އަތުގައި ކޮޓަރީގެ ތަޅުދަނޑި އޮތެވެ. ފަރުވާތެރިކަމާއެކު ފިރާޒުގެ މޫނަށް ބަލާލުމާއެކު ޝާމާ ކުރިޔަށް ފިޔަޅުވަޅު އަޅާލިއެވެ.
“އަހަރެންގެ ދައްތަގެ ފޮޓޯތައް ކަލޭ އަތުގައި އެބަހުރި ދޯ.” ޝާމާ އަހާލިއެވެ.
“އެ… އެހެން ފޮޓޯތަކެއް ޑިލީޓެއްނުކުރަން، އެއީ ޝާމާއާ ގުޅުންހުރި ކަމެއްނޫނެއްނު.” ފިރާޒު ބުންޏެވެ. އެހިނދު އޭނާގެ ދާދި ގާތުގައި ޝާމާ އައިސް ހުއްޓިލިއެވެ. ގުދުވެލައި ފިރާޒުގެ މޫނުގައި ކަނާއަތުން ހިފައި އުފުލާލިއެވެ. އަދި ޝާމާ ތިރިވެލުމާއެކު ފިރާޒުގެ ތުންފަތުގައި ބޮސްދީފިއެވެ. ފިރާޒަށް ހަރަކާތެއްކޮށްލާނޭ ފުރުޞަތެއް ޝާމާ ނުދީ އޭނާގެ ކޮނޑުގައި އަޅައި ފަހަތަށްވާހެން އެނދުމައްޗަށް ވައްޓާލިއެވެ.
“މިފަހަރު ކަލެއަށް އެނގޭނެ އަހަރެންގެ ދައްތައަށްވުރެ ކުޅަދާނައީ އަހަރެންކަން.” ލާނެތް ހިންޏެއް އައިސްފައި ހުރެ ޝާމާ ބުނެލިއެވެ. އަދި ފިރާޒުގެ އުނަގަނޑާ ދިމާލުން ދެފައި އަޅުވާލުމާއެކު އޭނާގެ އުނގުގައި ޝާމާ ހަމަޖެހިލައިފިއެވެ. ދެން ފެނުނީ ލައިގެން ހުރި ރަތްކުލައިގެ ސެޓިން ޓޮޕުކޮޅުގެ ފަސްބައިގައި ހިފައި ހިއްލާލުމާއެކު ޝާމާގެ ބޮލުން އެ ވަކިކޮށް އެއްފަރާތްކޮށްލި ތަނެވެ.
* * * * *
ކުލާސްތައް ނިމި ގެއަށް އައުމުގެ ޚިޔާލެއް ޝާއިނާގެ ނެތެވެ. އެއަށްވުރެ އޭނާގެ މޫޑު ހުރީ ޚަރާބުވެފައެވެ. އާމިލު ގާތު ތަނަކަށް ކާން ދިއުމަށް އޭނާ ޚިޔާލު ފާޅުކުރިއެވެ.
“މިރޭ އެހާ އަވަހަށް ގެއަށް ދާކަށް ބޭނުމެއްނޫން.” އާމިލްގެ އަތުގައި ހިފާލައިގެން ހުރެ ޝާއިނާ ބުންޏެވެ.
“އަހަރެން ވެސް…. ޝަންނު، އައި ވޯންޓް ޓު ބީ ވިތް ޔޫ. ރެސްޓްކޮށްލަން ތަނަކަށް ދަމާ.” ޝާއިނާއާ ގާތްވެލައި އާމިލް ބުނީ ތަންކޮޅެއް މަޑުންނެވެ. އެ ބުނުމުގައި ފޮރުވިފައިވީ އިތުރު ބުނުމެއްވިއެވެ.
“ވަޓް؟… އަމްމު!…” ޝާއިނާގެ މޫނުން ފާޅުވި އަސަރުތަކުން ހީވީ އާމިލް ގާތު ތިދައްކަނީ ކޮންކަހަލަ ވާހަކައެއްހޭ ބުނެލިހެންނެވެ. އާމިލްގެ މޫނުގެ ކުލަވަރު ބަދަލުވެލިއެވެ. އޭނާ ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ.
“އިޓްސް… އިޓްސް އަ ޖޯކް… އައި އޭމް ޖޯކިން… ޑޯންޓް ވޮރީ…” އާމިލް ބުންޏެވެ. އެހެންނަމަވެސް އެ މޫނުން މާޔޫސްކަން ފާޅުވިއެވެ. ޝާއިނާއަށް އާމިލްއަށް ވީގޮތް ސާފުކޮށް ފެނުނެވެ. އަމިއްލަ ނަފްސަށް ކުށްވެރި އިޙްސާސެއް ވެރިވިއެވެ. އާމިލް އޭނާގެ ކިބައިން އުންމީދުތަކެއް ކުރަނީކަން ޝާއިނާއަށް އެނގެއެވެ.
“ހިނގާ… ރެސްޓްކޮށްލަން… އޭގެ ފަހުގަ ކާން ދާނީ…” ހިތާ ދެކޮޅަށް އާމިލް ރުއްސުމަށް ޝާއިނާ ބުނެލިއެވެ.
އާމިލްއާއެކު އާދެވުނީ ކޮންތަނަކަށްކަމެއް ޝާއިނާއަކަށް ނޭނގެއެވެ. އޭނާ ޝާއިނާ ގޮވައިގެން އިމާރާތުގެ ތެރެއަށް ވަދެ ކޮޓަރިއެއް ނެގިއެވެ. ދެމީހުން އެކުގައި ސިޑިއާ ދިމާއަށް ހިނގައިގަތްއިރު ޝާއިނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބެއެވެ. ސިޑިންފައިބައިގެން އައި ބިދޭސީ ސްޓާފަށް އެ ދެޒުވާނުން ފެނުމުން އާދަޔާ ޚިލާފަށް އޭނާ ބެލިކަން ޝާއިނާއަށް ފާހަގަވިއެވެ. އޭނާ ގޮސް ކައުންޓަރު ދޮށުގައި ހުއްޓުމާއެކު ރިސެޕްޝަނުގައި އިން ކުއްޖާއާ ވާހަކަދެއްކިއެވެ.
“ފެނުނުގޮތެއްތަ…” ބިދޭސީ މީހާ ބުނެލިއެވެ. އެއާއެކު ރިސެޕްޝަނިސްޓަކަށް ހުރި ފިރިހެން މީހާ ކިހިނެއްތޯވީ އެއްސެވެ.
“ކުޑައިރުކޮޅެއްކުރިން މިތަނަށް ވަދެގެން ދިޔައީ އެ އަންހެންކުއްޖާހެން ހީވީ. ހާދަ ވައްތަރޭ…” އެ ބިދޭސީ މީހާ ލޯ އުނގުޅާލިއެވެ. ޝާއިނާއަށް އައި ބަދަލުން އެ އަޑުއިވުނުކަމެއް ނީވޭކަމެއް ނޭނގެއެވެ. ބިދޭސީ މީހާގެ ވާހަކަ ރިސެޕްޝަނިސްޓް ވަގުތުން ހުއްޓުވައިފިއެވެ.
އާމިލްގެ ފަހަތުން ކޮޓަރިއަށް ޝާއިނާ ވަނެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިން ވަށައިގެން ކޮޓަރިތެރެއަށް ޝާއިނާއަށް ނަޒަރު ހިންގާލެވުނެވެ. ޝާއިނާގެ ހަރަކާތްތަކަށް ބަލަން ހުރި އާމިލް އައިސް އެނދުގައި އިށީނެވެ.
“ޝަންނު ބޭނުންނޫނިއްޔާ އެއްވެސް ކަމެއް ކުރާނެކަމެއްނެތް… އެކަމަކު އާދޭ އަހަންނާއެކު ކަޑްލް ކޮށްލަން.” އާމިލް އެނދުގައި އޮށޯވެލައި އެއްއަތް ދަމާލީ އެ އަތްމަތީ ޝާއިނާ އޮށޯންނަން އެދޭ ފަދައިންނެވެ. އެއްޗެކޭ ނުބުނެ ޝާއިނާ މަޑުމަޑުން އައިސް އާމިލް އެދުނު ފަދައިން އޮށޯތެވެ. އެއާއެކު ޝާއިނާގެ ގައިގާ ދެއަތް ވަށާލައި އާމިލްއާ ނުހަނު ގާތްކޮށްލައި ބައްދާލިއެވެ.
ދެޒުވާނުން ހަމަޖެހިލިތާ ގިނައިރެއްނުވެ ޖެހިގެން ހުރި ކޮޓަރީގައި ބަޔަކު އުޅޭ ކަމުގެ އަޑު އިވެންފެށިއެވެ. އެ ދެޒުވާނުން ކުރަނީ ކީއްކަން އެމީހުންގެ ހަޅޭކުގެ އަޑުން އެނގޭހާ ވެއެވެ. ޝާއިނާއަށް ލަދުން ގޮސް އާމިލްގެ މޭގައި މޫނުފޮރުވާލައި ބޮނޑިވެލިއެވެ. ހޫނުކަން އުފެދެމުން އައި ޖިސްމުގެ ލޭ ހިނގުން އަވަސްވަމުން އައިވަރަކަށް އާމިލްއަށް ކެތްކުރަން އުނދަގޫވިއެވެ. އޭނާއަށް ޝާއިނާގެ ގައިގާ ބީހެވެން ފެށުނެވެ. ހެދުމުގެ ތެރެއިން އާމިލްގެ އަތްތިލަ އެއްވެސް ހުރަހެއްނެތި ހަމުގައި ބީހިލުމުން ޝާއިނާއަށް ސިހުން ލިބުނެވެ.
“ކެން ވީ…. ޕްލީޒް…” އާމިލްގެ އަޑުގައިވަނީ މަސްތުކަމެވެ. އަބަދު ދެކޮޅު ހެދުން ރަނގަޅެއްނުވާނޭ ޝާއިނާގެ ހިތަށް އެރީ އެވަގުތެވެ. އާމިލް އެފަދައިން ކިތަންމެ ފަހަރަކު އިސްނަގައިފިއެވެ. ދެމެދުގައި އޮތް ގުޅުން ހީނަރުވާން ނޭދޭތީ ޝާއިނާ މަޑުމަޑުން ބޯޖަހާލިއެވެ. އާމިލްގެ ނަފްސުގެ ހިފެހެއްޓުން އެހިނދުން ގެއްލިއްޖެއެވެ. އެއްއަތް މައްޗަށް ހަށިގަނޑު އުފުލާލުމާއެކު ޝާއިނާގެ ކޯތާފަތުގައި އަނެއް އަތުން ހިފާލައި އެ ތުންފަތުގެ މީރުކަން ލިބިގަތެވެ.
* * * * *
“ދެން ދަނީ…” ޝާމާ ކޮޓަރިން ނުކުންނަން އައެވެ. އޭރު ފިރާޒު ޖީންސު އަރުވާލައި ތަޅުންމަތިން ޓީޝާޓު ނަގަނީއެވެ.
“ހާދަ އަވަސް އަރުވާލާފައި، ކީއްވެ؟.” ފިރާޒު ސުވާލު ކުރިއެވެ.
“މިރޭ ފިލްމަށް ދާން ޓިކެޓު ނަގާފަ އޮންނާނީ. އެހެންނޫނަސް ކަންވެ ނިމުނީމާ ކަލެއާއެކު މަޑުކުރަންޖެހޭ ސަބަބެއް އެބައޮތްތަ؟.” ޝާމާ ބުނެލިއެވެ.
“ހޫން!… ދެން މައްސަލައެއްނެތޭ… ތި ދަނީ… އޭނަ… އެ ބާސްޓެޑް… އާމިލު ކައިރިއަށް ދާކަންނު.” ރުޅި އައިސްފައި ފިރާޒު ބުންޏެވެ. އެހިނދު ޝާމާ ފަސްއެނބުރި ފިރާޒަށް ބަލާލިއެވެ. ލުއި ގޮތަކަށް ޝާމާ ހޭންފެށިއެވެ.
“ވަޓް؟… ވައި އާ ޔޫ ލާފިން؟.” އުނދަގޫވެ ރަކިވެފައި ހުރި ފަދަ ގޮތަކަށް ފިރާޒު ބުނެލިއެވެ.
“ޔޫ… ޔޫ އާ ކައިންޑާ ކިއުޓް.” ހިނިތުންވުމަކާއެކު ޝާމާ ބުނެލިއެވެ. ފިރާޒަށް ދެ ލޯ ބޮޑުކޮށްލެވުނީ އަޖައިބުވެގެންނެވެ. އަނެއްކާ ޝާމާ ގަޔާވާގޮތެއް އޭނާގެ ހުރީބާއޭ ވަގުތުން ފިރާޒުގެ ހިތަށް އެރިއެވެ.
* * * * *
ވަރުބަލިކަމާއެކު އާމިލްގެ އަތުގެތެރޭ ޝާއިނާ އޮތެވެ. އާމިލްގެ ތުންފަތުގައިވީ ފަދަ ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ޝާއިނާގެ ތުންފަތުގައި ނުވެއެވެ. އޭނާ ހީވަނީ ކަމަކާ ހާސްވެފައި އޮތީ ހެނެވެ. ޝާއިނާ މަޑުމަޑުން ތެދުވި ހިނދު އޭނާ ހިފަހައްޓަން އާމިލް ގޮވާލިއެވެ.
“ފާޚާނާއަށް މިދަނީ…” އާމިލްއަށް ބަލާލުމެއްނެތި ޝާއިނާ ބުންޏެވެ.
“އަހަރެން ވެސް ދާންވީތަ؟” އާމިލް އަހާލިއެވެ. އެއާއެކު ނިކަން އަވަހަށް ޝާއިނާ ދެކޮޅު ހެދިއެވެ.
އެނދުމައްޗަށް އާމިލް ބަލާލީ ޝާއިނާ ފާޚާނާއަށް ވަންނަން ދެން މަޑުކުރުމަށްފަހުއެވެ. އޭރު އެނދުމަތީގައި ފަނޑު ލޭކުލަ ހޭކި ހަޑިވެފައި ހުއްޓެވެ. ބަސްހުއްޓިފައިވާ މީހަކު ފަދައިން އެތަނަށް ބަލަހައްޓައިގެން އާމިލްއަށް އިނދެވުނެވެ. އެސިކުނޑީގައި އެތައް ޚިޔާލެއް އެއްފަހަރާ އުތުރި އަރަމުން އައި ކަހަލައެވެ. ޝާއިނާ ފާޚާނާއިން ނުކުން އަޑު އިވުމާއެކު އާމިލް އަވަސްއަވަހަށް ގައިމަތީ އޮތް ފޮތިގަނޑުން ތަންމަތި ފޮރުވާލިއެވެ.
އިމާރާތުން އާމިލްއާއި ޝާއިނާ އެކުއެކީ ނުކުމެގެން އައެވެ. ޝާއިނާ ބަސްމަދުވެފައި ހުރިކަން އާމިލްއަށް ފާހަގަވިއެވެ. އޭނާ ލޯބިން ޝާއިނާއަށް ގޮވާލިއެވެ. އަތުގައި ހިފާލައި ގާތްކޮށްލިއެވެ. ހިނިތުންވުންވެ ލޯބިން އުޅޭއިރު މިރޭ އާމިލްއަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ. އެކަން ޝާއިނާއަށް ފާހަގަވާން އާމިލް ނޭދެނީއެވެ.
* * * * *
ލެޕްޓޮޕް ކައިރީ އިން ފިރާޒު ގޫގޫލް ހުޅުވައިގެން އިނެވެ. އަންހެންކުއްޖަކު ފިރިހެންކުއްޖަކު ކިއުޓްއޭ ބުނީމާ އޭގެ މާނައަކީ ކޮބާތޯ އޭނާ ހޯދަނީއެވެ. ގިނައިން ފެނުނު ޖަވާބު ތަކުގައި ހުރީ އަންހެންކުއްޖާއަށް ފިރިހެން ކުއްޖާ ކޮންމެވެސް ގޮތަކުން ކަމުދަނީ ކަމުގައި ބުނެފައެވެ. ފިރާޒުގެ ހިނިތުންވުން ފުޅާވެލިއެވެ.
“އަހަންނަށް ވެސް ވިސްނުނީ ހަމައެހެން. އޭނާ އަހަންނާމެދު އިންޓްރެސްޓް ވަނީ ކަންނޭނގެ. ވެލް ޝިޓް!… އަހަރެމެން ޑޭޓް ކުރަން ފަށައިފިއްޔާ…. ވީ ވިލް ބީ ޑުއިން އިޓް އެވްރިޑޭ… އޯލްރައިޓް!، އައި އޭމް ގޮއިންޓު ޓްރައި އެންޑް އާސްކް ހާ އައުޓް!” ލިބިފައި ހުރި ޖޯޝާއެކު ފިރާޒުގެ ވިސްނުން ދުރަށް ހިންގާލެވުނެވެ.
* * * * *
އާ ދުވަހެކެވެ.
ޝާމާ ހުރީ ކޮލެޖުގެ ދެ އިމާރާތުގެ ދޭތެރޭގައި އިންދާފައި ހުރި ގަސްތަކުގެ ހިޔަލުގައެވެ. ފިރާޒު އައިސް ޝާމާގެ ކުރިމަތީ މަޑުކޮށްލިއެވެ.
“ކީއްކުރަން އަހަންނަށް ގުޅީ؟.” ޝާމާ ވަގުތުން އެއްސެވެ.
“މީ… ފިލްމަކަށް ދާނަންތަ؟… އަހަންނާއެކު…” ފިރާޒު އަހާލިއެވެ.
“ކީއްކުރަން؟… އެވެސް ކަލެއާއެކު؟.” ޝާމާ ބުންޏެވެ.
“އޯ ކަމޯން، އެކަމުގަ ކޮބާތަ މައްސަލައެއް. އަހަރެންނާއެކު ފިލްމެއް ބަލަން ދިއުމަކީ މައްސަލައެއްތަ؟.” ފިރާޒު ބުނެލިއެވެ.
“ސޮރީ… އަހަރެން ދާހިތެއްނެތް.” ޝާމާ ބުނެލީ އާދައިގެ ގޮތަކަށެވެ.
“ދަނީ… ކަމެއްކުރަން ހުރެފައި މިއައީ ވެސް” ޝާމާ އެނބުރިލީ އެތަނުން ދާށެވެ.
“ހޭ!… މަޑުކޮށްބަލަ!… ކަލޭ ސީރިއަސްކޮށް ވެސް އެ އާމިލްއާ ގުޅުން ބާއްވަނީތަ؟.” ފިރާޒަށް ބުނެވުނީ ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.
“އަހަރެން ހީކުރީ… އަހަރެމެން ދެމެދުގައި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކާނަންކަމަށް އެއްބަސްވެވުނުހެން.” އިންޒާރާއި ނުރުހުމުގެ ނަޒަރަކުން ފިރާޒަށް ޝާމާ ބަލާލިއެވެ. ފިރާޒު އިތުރަށް އެއްޗެކޭ ނުބުންޏަސް އޭނާއަށް ދެއަތްތިލަ މުއްކަވާލައި ބާރުކޮށްލެވުނެވެ. ޝާމާ މަޑުކޮށްލުމެއްނެތި އެތަނުން ހިނގައްޖެއެވެ.
* * * * *
ހޫޑީއަކުން ބޯ ނިވާކޮށްލައިގެން ޖިންސުގެ ދެޖީބަށް އަތްކޮށްޕާލައިގެން ފިރާޒު ހުރީ ހޮޅިދަނޑީގައި ލެނގިގެންނެވެ. އޭނާއަށް ބެކްޕްކް އަޅުވާލައިގެން ހުރެ ގެއާ ދިމާއަށް އައި ޝާއިނާ ފެނުނެވެ. ދޮރޯށިން ވަނުމަށް އޭނާ އަވަސްވެލި ހިނދު ޝާއިނާގެ ނަމުން ފިރާޒު ގޮވާލިއެވެ. އެއާއެކު އޭނާ ހުއްޓި ބަލާލިއެވެ. ފިރާޒު އައިސް ޝާއިނާގެ ކުރިމަތީ ހުއްޓުނެވެ. ބޮލުގައިވާ ހުޑު ފަހަތަށް ޖައްސާލީ ދޮރުމައްޗަށް އެޅިފައިވާ އަލީގައި އޭނާގެ މޫނު ޝާއިނާއަށް ފެންނާނޭ ވަރަށެވެ.
“ތިވައްތަރަށް އުޅޭތީއޭ ސްޓޯކް ކުރަނީއޭ ބުނަންޖެހެނީ.” ޝާއިނާ ބުނެލިއެވެ.
“އައި ވިލް ޑޫ އިޓް.” ޝާއިނާ ބުނި އެއްޗެއް ފިރާޒަށް އިވުނުހެން ހީނުވެއެވެ.
“ތިބުނީ…” ޝާއިނާ ސުވާލު އުފެދުނު ފަދައިން ބުންޏެވެ.
“ޔޫގެ ކޮއްކޮ… އައި ވިލް މެސް ވިތް ހާ… އައި ވިލް ޑޫ އިޓް.” ފިރާޒު ބުނެލިއެވެ.
“ކުއްލިއަކަށް އެކަމާ މެދު ވާހަކަދައްކަން ބޭނުންވީ، ކިހިނެއްވީ؟.” ޝާއިނާ ހިތްހަމަނުޖެހޭގޮތް ދައްކާލިއެވެ.
“ކީއްވެތޯ އެނގުން މުހިންމެއްނޫން.” ފިރާޒު ބުންޏެވެ.
“އަހަންނަށް އެނގޭ އެ ދުވަހު ރައްޓެހިންނާއެކު ހުއްޓާ ވާހަކަދެއްކުނީމާ ޝާއިނާ ހިތްހަމަނުޖެހުނީކަން. އޭގެ ފަހުން އަހަރެން ފެންނަ ކަމަށް ވެސް ނުހަދާ، ވީހާ ވެސް ދުރުންކަން އުޅެނީ… އަހަންނަށް ވިސްނުނު ގޮތުގައި މިފަހަރު އެކަނި، އަހަންނަށް ޝާއިނާ ތި އެދޭ ކަންތައް ކޮށްދެވިދާނެ.” ފިރާޒުގެ ވާހަކައިން ޝާއިނާގެ މޫނުގެ ކުލަވަރު ބަދަލުވިތަން ދުށްޓެވެ.
“ކެމްޕަސްގަ އެވީކަންތަށް ބަހައްޓާ. އަހަރެން ބޭނުމެއްނޫން އިތުރު ސަމާލުކަމެއް އަހަންނަށް ހުއްޓޭކަށް.” ޝާއިނާ ބުންޏެވެ.
“ފައިން…” ފިރާޒު ބުންޏެވެ. އޭނާ އެނބުރި ދާން ހިނގައިގަތުމުން ޝާއިނާ ގޮވާލިއެވެ. ފިރާޒު ހުއްޓުމުން ދެމެދުގައި އެއްބަސްވުމަކަށް އާދެވުނެވެ. ފުން ނަޒަރަކުން ފިރާޒަށް ބަލަން ޝާއިނާ ހުއްޓެވެ. އެންމެފަހުން ފިރާޒު ޖަވާބު ދީފިއެވެ. ދެމީހުން އެކަކު އަނެކަކަށް ބޯޖަހާލިއެވެ.
* * * * *
ކޮތަޅެއް ހިފައިގެން އައިސް ޝާއިނާ ގެއަށް ވަންއިރު ޝާމާ ސިޓިންރޫމު ސޯފާގައި އޮތެވެ. މިރޭ އޭނާ އަވަހަށް އައިކަން ޝާއިނާ ފާހަގަކޮށްލިއެވެ. ކުލާހެއް ކެންސަލްވީކަމުގައި ޝާމާ ބުންޏެވެ.
“ހާދަ ހިނިއައިސްފައި… ކޮންކަމަކާ؟…” ޝާއިނާއަށް އަހާލެވުނެވެ.
“ކަމާއެއްނޫން.” ޝާމާ ބުނެލިއެވެ.
“މަންމަ ގަންނަން ބުނި ކްރީމް ބަންސް ގެނެސްފަ މިހުރީ.” ބަދިގެއާ ދިމާއަށް އައި ޝާއިނާ ބުނެލިއެވެ. އަދި ކާމޭޒުމަތީ އަތުގައި އޮތް ކޮތަޅު ބާއްވާފައި ޝާއިނާ ނުކުތެވެ.
“އެތަނުން އެކެތި އަހަރެން ކައިފަ އޮންނާނީ. މަންމަ ބުނި ވަރަށްވުރެ އިތުރަށް ގެނައިން. ޝާމާ ވެސް އެކެތި ނަގާ އިނގޭ.” ކޮޓަރިއަށް ވަނުމުގެ ކުރީން ޝާއިނާ ބުނެލިއެވެ.
ރޭގަނޑު ކެއުމުގެ ކުރީން އިތުރު އެއްޗެހި ތަކެއް ކައިފިކަން އެނގިއްޖެއްޔާ މަންމަ ރުޅި އަންނާނެއެވެ. އެހެންވިޔަސް އެގޭ އެންމެންނަށް ކްރީމް ބަނަހަކީ މީރު އެއްޗެކެވެ. މަންމައަށް ފެނުމުގެ ކުރީން އެތަނުން ބަނަހެއް ކާލަން ޝާމާ އައިސް ބަދިގެއަށް ވަނެވެ. އޭރު ކާމޭޒުމަތީ ޝާއިނާ ކައިފައި އޮތް ބަނަސް ވަކިން ބާއްވާފައި އޮތެވެ. ކޮތަޅުތެރޭ ހުރި ބަނަސްތަކަށް ޝާމާ ބަލާލިއެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޝާއިނާ ކައިފައި އޮތް ބަނަހަށެވެ. މަޑުމަޑުން އެ ބަނަސް ޝާމާ ނަގައި ކައިފައި އޮތް ބައިގަ އަނގަޖަހައި ބަނަހުން ބައެއް ނައްޓުވާލިއެވެ. ކަމުން ދިޔައިރު ހީލަތްތެރި ހިނިތުންވުމަކުން ޝާމާގެ ތުންފަތް ދެމިލިއެވެ.
— ނުނިމޭ —