DHEBEENUN [EP-06]

“އެ ލާންޖަރީސް ބޭގް ހުރީ ޝާމާގެ ކޮޓަރީގައި. އެތަނުން އެ ފެނުނީ.” ޝާއިނާ ބުނީ ފޫހިކަމާއެކުއެވެ.

“ވަޓް ޑޫ ޔޫ މީން.” ޝާމާ ހައިރާންކަން ފާޅުކުރިއެވެ.

“ނޭނގޭކަމަށް ނުހަދާ. މަންމައޭ ބުނީ… ޝާމާގެ އެނދު ދަށުން ނެގީ މަންމަގެ އަތުން.” ޝާއިނާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“އާ ޔޫ ކްރޭޒީ؟… އަހަންނަށް ވަރިހަމަ އަހަރެން ލާ ހެދުން ލައިގެން، އަހަރެންގެ މޭކަޕް ސާމާނު ކިތަންމެ ވަރަކަށް ބޭނުން ކުރިޔަސް، އެކަމަކު މިކަހަލަ އެއްޗެހި ބޭނުންކުރޭތަ؟.” ޝާއިނާއަށް ހުރެވުނީ ރުޅިއައުމަށްވުރެ ބޮޑަށް އަޖައިބުވެފައެވެ. ކޮއްކޮ އެހެން އުޅެންވީ ސަބަބެއް ނޭނގޭތީއެވެ.

“އިނަފް އިޒް އިނަފް، ކީއްވެތަ ޝާމާ ތިހެން ތިއުޅެނީ؟.” ޝާއިނާއަށް ބުނެވުނެވެ.

“ދެން ކިހިނެއްވީ؟…” އެއްވެސް އަސަރެއްނެތް ގޮތަކަށް ޝާމާ ބުނެލިއެވެ.

“ކީކޭ؟…” ކޮއްކޮ ބުނި އެއްޗެއް ދޭހަނުވެގެން ޝާއިނާއަށް އަހާލެވުނެވެ.

“ކޮބާހޭ މައްސަލައަކީ؟. އެ ފެނުނީމަ އެކަމުގެ ޒިންމާ އަހަރެންނޫންތަ ނެގީ. ކިހިނެއްވީ؟… ނިކަން ވިސްނާލަބަލަ ޢާއިލާގެ އެންމެ ބަސްއަހާ ރަންދަރިފުޅުގެ އަތުން އެ ފެނުނުނަމަ ވާނޭ ގޮތް. އެހެންވިނަމަ މިގޭތެރެއިން ގިޔާމަތްވީސް. އެހެންނުވާނީ… މިގޭތެރޭގައި ކޫޑިވެގެން ތެޅިއަރުވާނީ އަބަދުވެސް ޝާމާވިއްޔާ، ނޫންތަ؟” ޝާމާ ބުންޏެވެ. އޭނާ އެކޮޓަރީގައި ހުންނާކަށް ގަސްދެއް ނުކުރިއެވެ. ޝާއިނާ ދުރަށް ޖެހިލުމުން ދޮރު ހުޅުވާލައި ޝާމާ މަޑުކޮށްލިއެވެ. ފަސްއެނބުރި ދައްތައަށް އޭނާ ބަލާލިއެވެ.

“ތިހުރިހާ އެއްޗެކޭ ނުކިޔާ، އަހަންނަށް ޝުކުރެއްނޫންތަ އަދާކުރަންވީ، އަހަރެންގެ ބޮލުގައި އެބަދުނާމު ވެސް އެޅުނީމަ.” ޝާމާ ބުނެލިއެވެ.

ހުއްޓުން އަރާފައި ހުރި މީހަކު ފަދައިން ޝާއިނާއަށް ހުރެވުނީއެވެ. ބުނާނީ ކީކޭކަމެއް ވެސް ނޭނގިފައެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ޝާމާ ނުކުމެގެން ދިޔައީއެވެ. އޭނާގެ ވާހަކަތަކާއި ޢަމަލުތައް ހުންނަ ގޮތާމެދު ޝާއިނާގެ ސުވާލުތައްވީ އިތުރެވެ.

“ވައި އިޒް ޝީ އެކްޓިން ލައިކް ދެޓް؟. ޝީ އިޒް އެކްޓިން ކްރޭޒީ.” އަޑުވީއްލާ ޝާއިނާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތަށް އެރީ ކޮއްކޮއާ އިތުރަށް ސުވާލު ކުރެވުނު ނަމައެވެ. އެގޮތަށް ނުކުމެގެން ދާން ދޫކޮށްނުލާ ހުއްޓުވުނު ނަމައެވެ. ހީވާ ހީއަކަށް ދޫކޮށްނުލާ ޖަވާބު ލިބެންދެން ކޮއްކޮއާ ވާހަކަދެއްކުނު ނަމައެވެ. ޝާއިނާއަށް ފޯނުކޯލެއެއް އައީ އެ ވިސްނުމުގައި އޭނާ ވަނިކޮށެވެ.

“ހެލޯ!… އަމްމު!… މިގޭ ކައިރިއަށް އައިސްފަތަ ތިގުޅީ.” ޝާއިނާއަށް އަހާލެވުނެވެ.

“ނޫން، ތި އަޑު އަހާލާހިތުން ހަމަ ގުޅާލީ.” އާމިލް ބުންޏެވެ.

“ވަރަށް ވިއްސާރަކޮށް އުޅެނީ. ތުނިތުނިކޮށް މިހާރު ވެސް އެބަވެހޭ… އޭސީ ފިނިމަޑުކުރަން ހަނދާންކުރައްޗޭ. ޝަންނުއަށް ނިކަން ފަސޭހައިން ރޯގާ ޖެހޭކަން އެނގެއެއްނު.” އާމިލް ބުންޏެވެ.

“ޔާ!… އަމްމު ކޮފީއަކުން ދޯ ތިފޭބީ. ދެން ދޭ އަވަހަށް ގެއަށް. ވާރޭ ބޯކޮށްލަފާނެ. އަމްމު!.. މަބުނީ…” ޝާއިނާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ. އޭނާގެ ހަނދާނަށް އައީ ކޮފީޝޮޕުގައި ދެމީހުން ތިބިއިރު އާމިލް ދެއްކި ވާހަކައެވެ. އޭނާއަށް “ސަޕްރައިޒަސް” ކަމުދެޔޭ ބުނެ އިޝާރާތްކުރީ ކޮންކަމަކަށް ހެން ޝާއިނާއަށް ނަގައިގަނެވުނީއެވެ. އެކަމަކު ޔަގީންނުވަނީއެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް އާމިލްއާ ވާހަކަދައްކަން ޝާއިނާ ހިތަށް އެރީއެވެ. ކުރެވޭ ހީތަކަށް ނިމުން ގެންނާށެވެ.

“މީ… ނެވާމައިންޑް…” ޚިޔާލު ބަދަލުވެގެން ޝާއިނާ ބުނެލިއެވެ.

“ދެން ތިހެން ނުހަދާ. ބުނަން އުޅެފައި ނުބުނީމަ ތީތި ކަޑައޭ.” އާމިލްއަށް ބުނެވުނެވެ.

“އެހާ މުހިންމު ކަމެއްނޫން އެއީ. ދެން ފޯނުގަ ނުހުރެ ދޭ އަވަހަށް ގެއަށް.” ޝާއިނާ ބުނެލިއެވެ.

“އިހަށް ނުބާއްވައްޗޭ.” ޝާއިނާ ކޯލު ކަނޑާލަން އުޅެނީއޭ ހީވެ އާމިލް ބުންޏެވެ.

“އެއާޕޮޑް ޖަހައިގެންނޭ  މީނީ. ސައިކަލުގަ ދަމުން ވެސް ވާހަކަދެއްކޭނެއެއްނު. މިހާރު ގެއާ ކައިރިވަނީމި. މިރޭ ޝަންނު މަތިން ވަރަށް ހަނދާންވޭ. ތި އަޑު އަހާލާ ހިތުންނޭ މިގުޅީ. އެހާ އަވަހަށް ބާއްވާކަށް ބޭނުމެއްނޫން.” އާމިލް ބުންޏެވެ

“އޯކޭ… އައި ވެސް ނިދަން މި ރެޑީވަނީ. ހޫމް… ސާބަސް އަމްމު، ނޫން، މަންމަގެ ކޮޓަރިއަކަށް އަޑެއްނީވޭނެ. ކޮއްކޮގެ ކޮޓަރި ހުންނާނީ ޖެހިގެން. މަންމައާއި ބައްޕަ ވެސް ނިދަން ވަދެއްޖެ. އާނއެކޭ. ހޫމް!… އައި ލަވް ޔޫ…” އާމިލް ދައްކާ ވާހަކައަށް ޝާއިނާ ޖަވާބުދެމުންދިޔައެވެ.

“ކީއްވެތަ މިހާ މިސްވަނީ. މިއަދު ބައްދަލު ވެސް ވި. އެކަމަކުވެސް… ހިނގާބާ ދެމީހުން ބައްދަލުވެލަން. އެއްކަލަ ތަނުން… އަހަރެން ވަރަށް ބޭނުން.” އާމިލްގެ އަޑުގައިވީ މަސްތުކަމެވެ.

“އަމްމު، ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟.” ޝާއިނާއަށް ބުނެވުނެވެ.

“އައި ލަވް ޔޫ” އާމިލް ބުންޏެވެ.

* * * * *

ކުލާސް ރޫމުތެރޭގައި ނަދީމު ނޫން ދަރިވަރަކު ނެތެވެ. އޭނާ އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއް ކުރާށެވެ. އެވަގުތު އެތަނަށް ފިރާޒު ވަދެގެން އައެވެ. ނަދީމު ފެނިގެން އޭނާ އައިގޮތުން ވެސް އެ އަންނަނީ އެއްޗެކޭ ބުނަންކަން ނަދީމު ދެނެގަތެވެ.

“އޭ ނަދީމު، އައި ފައުންޑް އައުޓް ސަމްތިންގް ކްރޭޒީ ޔެސްޓަޑޭ، އަހަރެންގެ ލޮލުން ދުށީ.” ހިތްއަވަސްވެފައި ހުރި މީހަކު ފަދައިން ފިރާޒު ވާހަކަދެއްކިއެވެ. ނަދީމުގެ ކުރިމަތީ ހުރި ބަރިން މޭޒެއްގެ ދޮށުގައި ހުރި ގޮނޑި ދަމާލައި އޭގެ ލެނގޭ ބައިގައި އަތްއަޅުވާލެވޭނޭ ހެން ފިރާޒު އިށީނެވެ.

“ކޯއްޗެއް؟… ތިގޮލާ ތިހާ އެކްސައިޓްވެއްޖެއްޔާ ރަނގަޅުކަމަކަށް ނުވާނެ.” ނަދީމު ބުންޏެވެ.

“އައި ސޯ ދެޓް ބާސްޓެޑް… އާމިލް. ހުރިހާކަމެއް ފަޅާއަރުވާލާނަން.” މަކަރުވެރި ގޮތަކަށް ފިރާޒު ހީނލިއެވެ.

“ތި މައިތިރިވެބަލަ. ހޫން!… ދެން ކިޔާދީބަލަ…” ނަދީމުގެ ސަމާލުކަން ފިރާޒަށް ހުއްޓާލިއެވެ.

“މަޑުކުރޭ، އަހަރެން ފޮޓޯ ވެސް ނެގިން. ބަލާ…” ފިރާޒު ފޯނު ނަގައި ފޮޓޯ ހުޅުވާލުމާއެކު ނަދީމަށް ދެއްކިއެވެ. އެ ފޯނުގައި ހިފާލުމާއެކު ނަދީމު ބަލާލީ ފަރުވާތެރިކަމާއެކުއެވެ.

* * * * *

ކެންޓީނުން އެނބުރި އައިސް ކުލާހަށް ޝާމާ ވަނީ ލިއުޝާއާއެކުއެވެ. ދެކުދީން އެކީ ފާޚާނާއަށް ދާންވެގެން ޝާމާގެ ދަބަސް ބަލައެވެ. ކުލާހުގެ ދޮރުކައިރީ މަޑުކޮށްލި ލިއުޝާ ހަލުވި ފިޔަވަޅުގައި އައިސް ޝާމާގެ ގާތުގައި މަޑުކުރީ، އެކުވެރިޔާ ދަބަސް ހުޅުވުމާއެކު ސިއްސައިގެން ދިޔަ ގޮތް ފެނިފައެވެ.

“ކިހިނެއްވީ؟” ލިއުޝާއަށް އަހާލެވުނެވެ. ޝާމާ އަނގައިންނެއް ނުބުންޏެވެ. ފެންކަޅިވަމުން އައި ދެލޮލާއެކު ހީވަނީ ދެންމެ ދެންމެ ޝާމާ ރޯން ފަށާފާނެހެންނެވެ.

ލިއުޝާ އަވަހަށް ޝާމާގެ ދަބަސް ނިކަން ބޮޑަށް ހުޅުވާ ބަލާލިއެވެ. ސިހުމުގެ އަޑެއް އޭނާގެ އަނގައިން  ނުކުތެވެ. ޝާމާގެ ދަބަސް ތެރޭގައި ފޮތްތަކު މައްޗަށާ އެކީ އަޅާފައި ހުރީ ބޭނުންކޮށްފައި ހުރި “ކޮންޑަމް” އެވެ. އެ ރަބަރު ކޮތަޅުތަކުގެ ތެރެއިން އެއްޗެހި ފައިބާ ބައެއް ފޮތްތަކުގައި އުނގުޅިފައި ހުއްޓެވެ. ފަކުރު ގެންފައި ހުރިކަމުގެ އަޑެއް ލިއުޝާއަށް ލައްވާލެވުނެވެ. ކާކުކުރި ކަމެއްބާއޭ އޭނާއަށް ބުނެވުނެވެ. އެވަގުތު އަރިއަރިއަށް ދިޔަ ޝާމާ ބޮލުގައި ހިފަހައްޓާލިތަން ފެނުނެވެ. އެކުވެރިޔާގެ ގައިގާ ހިފަހައްޓަން ލިއުޝާ އަވަސްވެލިއެވެ.

“އާ ޔޫ އޯކޭ ޝާމާ.” ލިއުޝާއަށް އަހާލެވުނެވެ. އަދި އެކުވެރިޔާ ގޮނޑިއެއްގައި ބޭންދިއެވެ.

“ކޮން ސައިކޯއެއް މިވަރުގެ ކަމެއްކުރާނީ. ކާފަރުކަން ހައްދުފަހަނަ އެޅިޔަސް މީ ބޮޑުވަރު. ރަނގަޅަށްވިއްޔާ މީ އޭނާ ކުރިކަމެއް ކަންނޭނގެ.” ލިއުޝާއަށް ބުނެވުނެވެ. ކާކުކަން ކުރީ ލޮލަށް ނުފެންނައިރު އެކަން މައްސަލައެއްގެ ގޮތުގައި އޮފީހާ ހަމައަށް ނުގެންދެވޭނެކަން ލިއުޝާއާއި ޝާމާއަށް ވެސް ވިސްނެއެވެ. އެހެންވިޔަސް އެވަރުގެ ވިޔާނުދާކަމެއް ކުރަން ކެރޭނީ ކާކަށްކަން އެކުދީންނަށް އެނގޭ ކަހަލައެވެ.

* * * * *

“މީގެން އަހަރެން ބަލަންވީ ކޯއްޗެއް؟” ފިރާޒުގެ ފޯނުގައިވީ ފޮޓޯއަށް ބަލަމުން ނަދީމު ބުންޏެވެ.

“ދެޓް ބިޗް، އޭނާގެ ދައްތައަށް ވެގެން އާމިލްއާ އެޅެނީ.” ފިރާޒަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“މި ފޮޓޯއިން އެހެން ބުނާކަށް ނޭނގެ. އަހަންނަށް ފެންނަނީ ޝާއިނާއާއި އާމިލް. ފިރާޒަށް ޔަގީންތަ؟” ނަދީމު އަހާލިއެވެ.

“އޭނަ ވަރަށް ބަލައިގެން އުޅެނީ. އަހަރެން މިބުނީނު. މުޅިން އެހެން މީހަކަށް އޭނާ ބަދަލުވޭ.” ފިރާޒަށް ފެނުނު ކަންތަކާ އަޖައިބުވެ ހުރެ ބުންޏެވެ.

“ހޭ… އަހަރެން ދޮގު ހަދައިގެން ވާހަކައެއް ފަތުރަން އުޅެނީކަމަށްތަ ތި ހީކުރަނީ.” ނަދީމުގެ މޫނުމަތިން އޭނާއަށް އިވުނު ވާހަކަތައް ޤަބޫލުނުކުރާހެން ހީވެ ފިރާޒަށް ބުނެލެވުނެވެ.

“އެހެނެއްނޫން…” ނަދީމު އެއްޗެކޭ ބުނަން އުޅުނެވެ.

“އަހަރެން ހިޔެއްނުކުރަން ތިގޮލާ އަހަރެން ބުނާ އެއްޗެއް ޤަބޫލުނުކުރާނެކަމަށް” ނަދީމު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ފިރާޒު ބުންޏެވެ.

“މީ ހަމަ ރިއަލްތަ؟” ނަދީމު އަހާލިއެވެ.

“ޔާ!، އޮފްކޯޒް އިޓް އިޒް” ފިރާޒު ވަގުތުން ބުނެލިއެވެ.

“މަ ވެސް ހުރީ ޝޮކުވެފަ. އަދި އެކަކު ކައިރީ ވެސް ނުބުނަން، ތިގޮލާ ކައިރީ އެކަނި މިބުނީ. ފައިނަލީ… ދޯސް ބިޗަސް ވިލް ބީ ހިއުމިލިއޭޓެޑް.” ފިރާޒު ބުންޏެވެ.

ކުއްލިއަކަށް ކޮލެޖުތެރޭ އަޑުގަދަވެގެން ދިޔަހެން ހީވިއެވެ. ކުލާސްރޫމުގެ ދޮރު ހުޅުވާލުމާއެކު ވަން ބައެއް ދަރިވަރުން ފިރާޒަށް ބަލަން ފެށީ ފޫހިކަމާއެކުއެވެ. ކިހިނެއްތޯވީ ފިރާޒު ސުވާލުކުރިއެވެ. އޭނާ ކުލާހުން ނުކުތުމުން ނަދީމު ވެސް ފަހަތުން ނުކުތެވެ. ސަރައްކާލީގައި ރޯންހުރި ޝާމާ ފެނުނެވެ. އޭނާގެ ގާތުގައި ލިއުޝާ ހުއްޓެވެ.

“ޔޫ ޓްރޭޝް…” ލިއުޝާ ބުނެލީ ބާރަށެވެ.

“ކިހިނެއްވެގެން މިއުޅެނީ…” ނަދީމު އޮޅުންފިލުވަން އަހާލިއެވެ.

އެއާއެކު ލިއުޝާ ވާހަކަދެއްކިއެވެ. އެތަނުގައި ތިބި އެންމެންނަށް އިވޭ ވަރަށެވެ. ޝާމާއަށް ގަނާ ކުރުމުގެ ގޮތުން ފިރާޒު ކުރިކަމެކޭ ކިޔާފައި ކަންތައްވީގޮތް ލިއުޝާ ކިޔާލިއެވެ. ދުރުގައި ހުރި ފިރާޒުގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އިވުނީ އޭނާ ދެނެވެސް ހުރިކަމެއްގެ ވާހަކައެއްނޫނެވެ. ނަދީމުގެ ނަޒަރު ލިއުޝާއިން ފިރާޒަށް ދަތުރުކޮށްލިއެވެ. އެތަނުގައި ތިބި އެންމެން ވެސް ތިބީ ފިރާޒަށް ބަލާށެވެ.

“އެއީ ތެދެއްތަ؟.” ނަދީމަށް ވެސް އަހާލެވުނެވެ. ފިރާޒެއްކަމަކު އެކުރީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކޭ، ދުލުން ނުބުންޏަސް ނަދީމުގެ މޫނުގައިވި އަސަރުން ދޭހަވެއެވެ.

“އެއީ މަށެއްނޫން. އަހަންނާ ބެހޭ ވެސް ކަމެއްނޫން. ނަދީމު، އަހަރެން ދެންމެ ބުނި އެއްޗެއް ކައި ހަނދާންނެތުނީތަ؟. އެ އަންހެން ގޮލާ އުޅެނީ އޭނާގެ ދައްތައަށް ވެގެން، އޭނާގެ ދައްތަގެ…” ފިރާޒުގެ ވާހަކަ މެދުކަނޑާލީ ޝާމާއެވެ.

“ތީތަ މިވަގުތު ވެސް ބުނަން އެނގުނު އެއްޗަކީ.” ރޮވެމުން ދިޔަ ޝާމާ ބުނެލިއެވެ.

“ކަލޭ އާޓުދައްކާނެ ކަމެއްނެތް، އަހަރެން އަތުގަ ހެކި އެބޯތޭ.” ފިރާޒު ފޯނު ނަގާ ދައްކާލިއެވެ.

“ކިހާ ބޮޑުކަމެއް ފިރާޒު. ކަލޭ ތިކަން ހުއްޓަންވެއްޖެއެއްނު.” ލިއުޝާ ހަޅޭލަވައިގަތެވެ.

މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ލިއުޝާ ފޯނު ނެގިއެވެ. އަދި އެންމެންނަށް ފެންނާނޭ ހެން އޭނާ ފޯނު ހިފަހައްޓާލައި ދައްކާލިއެވެ. އިސްކުރީނުން ފެންނަން ހުރީ ޝޯޝަލް މީޑިއާގައި ކޮށްފައި ހުރި ޕޯސްޓުތަކެއްގެ ސްކްރީން ޝޮޓެކެވެ.

“އަހަރެން ހުރީ މިވާހަކަ ނުދައްކަންވެގެން. އެކަމަކު ފިރާޒުގެ ކަންތައް މާ މައްޗަށް ދިޔައީމަ ނުބުނެއެއް ނުހުރެވޭނެ. އެންމެންނަށް ކަލޭގެ ގޮތް އެނގެން އެބަޖެހޭ.” ލިއުޝާ ބުންޏެވެ.

ޝާމާގެ ފޮޓޯއެއް ޕްރޮފައިލަށް ލާފައި ހުރިއިރު، އީމެލްގެ ގޮތުގައި ފެންނަން ހުރީ ފިރާޒުގެ މެއިލް އެޑްރެސްއެވެ. އޭގައި ޝާމާގެ ވަނާތަކުގެ ފޮޓޯތައް ލާފައި، ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ހުއްޓެވެ. ޝާމާގެ ގަޔަށް އަރާނޭ ގޮތް ކިޔާދީފައި ހުއްޓެވެ. އެންމެންގެ އަނގަތައް ހުޅުވި ނުރުހުމުގެ ނަޒަރު ފިރާޒަށް އަމާޒުވިއެވެ. ލިބުނު ޝޮކުގައި ހިލައިގެ ބުދަކަށް ވެފައި ހުރިހެން ފިރާޒު ހުއްޓެވެ. ބުނާނޭ އެއްޗެއް ސިކުނޑިއަކަށް ނައެވެ.

“މީ ހަމަ ފިރާޒު، ކީއްވެތަ ޝާމާއާ އަޅައިގަނެގެން ތިއުޅެނީ. އަހަންނަށް މި ފެނުނީމަ ވީ ފޫއްސެއް ނޭނގެ ބުނަން ވެސް. ކަލޭގެ އަސްލު ސިފަ މި ފެންނަނީ. ބުނަބަލަ… ކީއްވެތަ ޝާމާއަށް ތިހެން ތިހަދަނީ.” ލިއުޝާ ހުރީ ހަޤީޤަތުގައި ވެސް ރުޅި އައިސްފައެވެ.

“ތީ ފޭކެއް. ތީ އަހަންނެއްނޫން… އަހަރެންނެއްނޫން…” މިފަހަރު ފިރާޒުގެ އަޑުގައިވީ ޖެހިލުންވުމެވެ.

“ހައު ކޭން ޔޫ އީވަން ލައި އަބައުޓް ދިސް.” މާޔޫސްކަމާއެކު ނަދީމު ބުންޏެވެ. އޭނާ އެނބުރި ކުލާހާ ދިމާއަށް ހިނގައިގަތެވެ. އެކުވެރިޔާއާ މެދު މާޔޫސްވެފައި ހުރެއެވެ. އޭނާގެ ފަހަތުން ފިރާޒު އައީ ކަންބޮޑުވެ ހާސްވެފައި ހުރެއެވެ.

“ނޫނެކޭ… އަހަންނެއްނޫނޭ އެއީ. ޤަބޫލުކޮށްބަލަ… އެބުނި އެއްވެސް ކަމެއް އަހަންނެއް ނުކުރަން.” އެކަކު ޤަބޫލުނުކުރިޔަސް ފިރާޒުގެ އަޑު ނަދީމު އަހާނޭ ހީކުރިއެވެ. ނަމަވެސް އެކަކު ވެސް ފިރާޒުގެ ބަހެއް ޤަބޫލެއްނުކުރިއެވެ. އޭނާއަށް އިތުބާރު ކުރާނޭ މީހަކު ނެތެވެ. އެތައް ބައެއްގެ ތެރޭ އޭނާގެ އަގުވެއްޓިއްޖެކަން ފިރާޒަށް އެނގެއެވެ. އެކަމަކު އޭނާ އެވަރަށް ދެކޮޅު ހަދަނީ ނުކުރާކަމެއް ބޮލުގައި އަޅުވާތީއެވެ.

ދިމާވި ކަންތައް ގަނޑާ ހެދި ކޮލެޖުގައި ނުހުރެ ފިރާޒު ވަގުތުން އައީ ގެއަށެވެ. އޭނާއަށް ރަނގަޅަށް ނުވެސް ވިސްނެއެވެ. ރުޅިގަދަވެގެން މީހާ ހަލާކުވަނީއެވެ. އޭނާގެ ސިކުނޑި ބުނަނީ އެ ބަދުނާމު ފިރާޒުގެ ބޮލުގައި އެޅުވި މީހަކީ ޝާމާކަމެވެ. އޭނާގެ ގާތުން ކޮންމެ ގޮތަކުން ނަމަވެސް ބަދަލު ހިފަން ފިރާޒު ބޭނުންވިއެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. ބައެއް ކުލާސްތައް ނެތުމުން ޝާއިނާއަށް ކޮލެޖަށް ދާން ނުޖެހޭތީ އޭނާ ހުރީ ގޭގައެވެ. ކޮންމެވެސް ފިކުރެއްގައި ހުރި މީހަކު ފަދައިން ޝާއިނާ ގެއިން ނުކުމެ މަގުމަތީ ހިނގާލަ ހިނގާލާ ހުއްޓެވެ. އެތަނުގައި މީހަކު ހުރިހެން ހީވެ ޝާއިނާގެ ނަޒަރު މަގުގެ އަނެއްފަރާތުގައި ހުރި ހޮޅިދަނޑި ކައިރިއަށް ދަތުރުކޮށްލިއެވެ.

“ކަލޭ…” ފިރާޒުކަން އެނގި ޝާއިނާއަށް ވަގުތުން ބުނެލެވުނެވެ.

“އާނ…” ފިރާޒު އެއްޗެކޭ ބުނަން އުޅުނެވެ.

“އަހަރެން ނުބުނަންތަ އަހަންނާ ދުރުގަ ހުންނާށޭ. އަނެއްފަހަރު ކުޅިވަރު ފެށީ ދޯ” ހިތްހަމަނުޖެހިފައި ޝާއިނާ ބުންޏެވެ.

“މަޑުކޮށްބަލަ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން… ދެއާ އިޒް ސަމްތިންގް ޔޫ ޝުޑް ނޯ.” ފިރާޒު ނިކަން އަވަހަށް ވާހަކަދެއްކިއެވެ. ޝާއިނާގެ ފިޔަވަޅު މަޑުޖެހިލިއެވެ. އޭނާ ފިރާޒަށް ބަލާލީ ހައިރާންކަމާއެކުއެވެ. އަނގައިން ނުބުނެ ހުންނަން ފެށުމުން އެ ފުރުޞަތަކީ ފިރާޒު ވާހަކަދައްކަން ލިބުނު ފުރުޞަތެއްކަމުގައި ހީކުރިއެވެ.

“ކަލެއަށް އެނގޭތަ؟… ކަލޭގެ ބޯއިފްރެންޑާއެކު ކަލޭގެ ކޮއްކޮ އުޅޭކަން. އެ ދެމީހުން ކަމެއްކަން.” ފިރާޒު ބުންޏެވެ. ޝާއިނާ ސިހުނު ގޮތް ފިރާޒަށް ވެސް ފެނުނެވެ. އެ ސިހުމުން ޝާއިނާއަށް އެއްވެސް ކަމެއް ނޭނގޭކަން ފިރާޒަށް ޔަގީންވިއެވެ.

“ނުވާނެ އެހެނެއް. ތީ ކޮންކަހަލަ ވާހަކައެއް.” ޝާއިނާ ދުލުން ބޭރުވި ލަފުޒުތަކާއި އޭނާގެ މޫނުން ފާޅުވާ އަސަރާ މުޅިން ތަފާތެވެ.

“މިއޮތީ ހެކި. މި ނަގާފައިވާ ތަން ބަލާބަލަ. ދެން މި ފޮޓޯގެ ތަފްސީލު ބަލާބަލަ. އޭރުން އެނގޭނެ މިފޮޓޯ ނަގާފައިވަނީ ކޮންއިރަކުކަން. މީ އަހަރެން ހަދާފައި އޮތް ފޮޓޯއެއްނޫންކަން.” ފިރާޒުގެ ފޯނުގައިވި ފޮޓޯ އޭނާ ދެއްކިއެވެ. ޝާއިނާގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ދަތްތަކަށް ބާރުކޮށްލިކަން އޭނާގެ ކޯތާފަތުން ފާޅުވެލިއެވެ.

“އަހަންނަށް އެނގޭ އެއީ ޝާއިނާއެއްނޫންކަން. އޭނާގެ ލޯކައިރި އިން ކަޅުތިލައެއް ނެތް. އޭގެ މާނައަކީ އޭނާ މޭކަޕްއިން އެ ކަޅުތިލަ ފޮރުވާފައޭ އެހުރީ. ކަލެއަށް ފާހަގައެއްނުވޭތަ އޭނާ އެ އުޅެނީ ކަލެއަށް ވެގެންނޭ. މީ އަހަރެން ހަދާފައެއްނޫން… އަހަރެން އޭނާއަށް ފާރަނުލިނަމަ، މި ފޮޓޯ ފެނިފަ އަހަރެން ވެސް ބުނާނީ މީގެން މި ފެންނަނީ ކަލެއޭ. މި ނުވާނޭ ކަލޭގެ ޓުވިންސް ކޮއްކޮއަކަށް. ޑޯންޓް ބީ ފޫލްޑް ޝާއިނާ. އޭނާ އެ އުޅެނީ ކަލެއަށް ވެގެން. ކަލޭގެ ބޯއިފްރެންޑާއެކު.” ފިރާޒު ބުންޏެވެ. ޝާއިނާ ބަލާލުމުން ފިރާޒު ބޯޖަހާލީ ޤަބޫލުކުރާށޭ ބުނާ ފަދައިންނެވެ.

ހާސްވެ ކަންބޮޑުވީ ވަރުންކަމެއް ނޫނީ ހިތަށް ކުރި އަސަރުންކަމެއް ނޭނގެއެވެ. ޝާއިނާގެ ދެތުންފަތުގައި މަޑު ތުރުތުރެއް އުފެދުނު ތަން ފިރާޒު ދުށްޓެވެ. ދެވުނު ޚަބަރުން ޝާއިނާއަށް ވާނޭގޮތް ފިރާޒަށް ވިސްނޭތީ އޭނާ އިސްޖަހާލީ ހަމްދަރުދީވެގެންނެވެ. ހުރިހާ ވާހަކައެއް ހަޖަމްކުރުމަށް ޝާއިނާއަށް ވަގުތު ބޭނުންވާނޭ ފިރާޒަށް ވިސްނުނީއެވެ.

“އަހަރެން ދެން ދަނީ… މިކަން ކަލެއަށް ވެސް އެނގުން މުހިންމުހެން ހީވާތީ ބުނެލީ. އަހަރެން ކަލޭގެ ކޮއްކޮއާ ބައްދަލުކުރާނަން.” ފިރާޒު ބުންޏެވެ. ގަބުވެފައި ޝާއިނާ ހުރީއެވެ. އެތަނުން ދިއުމަށް ފިރާޒު ހިނގައިގަތެވެ. އޭނާއަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނުތަނާ ޝާއިނާ މަޑުކޮށްލުމަށް އެދުނު އަޑު އިވުނެވެ. ފަސްއެނބުރި ފިރާޒު ބަލާލީ ޔަގީން ކުރުމަށެވެ.

ޝާއިނާގެ ނަފްސަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން މިފަހަރު އެ މޫނުން އެއްވެސް އަސަރެއް ދެނެގަތުން ފަސޭހައެއް ނޫނެވެ. ފިރާޒު އައިސް ޝާއިނާގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާއާ ޝާއިނާ ވާހަކަދެއްކިއެވެ.

“މައްސަލައެއްނެތް. އެކަމަކު ބުނަން، މީ ކަލޭ ބުނެގެން ކުރާކަމެއް.” ފިރާޒު ބުންޏެވެ. ޝާއިނާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

“އަދި ބުނަން. ތި ފޮޓޯގެ ވާހަކަ ދެން އިތުރު މީހެއް ކައިރީ ނުދައްކާތި.” ޝާއިނާ ބުންޏެވެ.

“އޯކޭ… އައި ވިލް ބީ ޑޭމްޑް… މީ ފުރަތަމަ ފަހަރު އަހަރެން ކައިރީ އަމިއްލަ ކޮއްކޮއަށް ފާރަލާން މީހަކު ބުނި.” ފާޑަކަށް ހީނލާފައި ފިރާޒު ބުންޏެވެ. އެހެންވިޔަސް އޭނާ ޝާއިނާ އެދުނު ކަންތައް ކުރަން އެއްބަސްވިއެވެ.

* * * * *

“ކީއްކުރަން މިތަނަށް އަންނަން ބުނީ؟.” ފިރާޒު ވާހަކަދެއްކިއެވެ. އޭނާ ހުރީ ކޮލެޖުގެ ލެބް ކައިރީއެވެ. އެތަނުން މީހެއްގެ ހިލަމެއް ނުވެއެވެ. ޢާންމުކޮށް ވެސް އެހިސާބަކީ ފަޅުކޮށް އޮންނަ ތަނެވެ. ބައެއްފަހަރު ޒުވާން ޖޯޑުތައް އެކަނިވެލަން އެބަޔަށް އަރާނެއެވެ.

“ޕްލީޒް ސްޓޮޕް…” ޝާމާ ބުންޏެވެ.

“ކޮންކަމެއް ހުއްޓާލަންވީ؟.” ވައަތްތިލަ ޖީންސުގެ ޖީބަށް ކޮށްޕާލައިގެން ހުރެ ފިރާޒު ބުންޏެވެ.

“އަހަރެންގެ ގޭ ދޮށަށް އައުން. އަހަރެންގެ ދަބަހަށް އެއްޗެހި އެޅުން. ސޯޝަލް މީޑިއާގައި އަހަރެންގެ ބޯއިފްރެންޑަށް ވާން އުޅުން. އަހަރެންގެ ފޮޓޯތައް ޝެއާ ކުރުން… ކަލޭ ކުރާ ހުރިހާކަމެއް…” ޝާމާ ބުނެލިއެވެ.

“ސީރިއަސްލީ… ކަލެއަށް އެނގޭނެ އެއީ އަހަރެން ކުރިކަމެއްނޫންކަން. އެހެންނޫނަސް އަހަރެން ކައިރީ ކަންކަން ނުކުރާށޭ ބުނެވޭވަރުގެ ދަރަޖައެއްގައި ހުރި މީހެއްތަތީ؟.” މަލާމާތުގެ ހިނިތުންވުމެއް ފިރާޒުގެ ތުންފަތަށް ވެރިވިއެވެ.

“އެހެންވީރު އެޓްލީސްޓް އެ ފޮޓޯ ޑިލީޓް ކުރޭ.” ނިތަށް ރޫގިނަވެލުމާއެކު ޝާމާ ބުންޏެވެ.

“އޯ!… އެހެންވީމަ އެ ފޯޓޯގައި އެއީ ކަލޭކަން އެއްބަސްވަން ދޯ. ކަލޭ ހީކުރީ ހަމަތިހެން ބުނެލާއިރަށް އަހަރެން އެ ފޮޓޯ ޑިލީޓް ކުރާނޭކަމައްތަ؟.” ފިރާޒަށް ޝާމާގެ ކުރިމަތީ ކުރި ލިބުނު ކަމުގެ އިޙްސާސް ކުރެވުނެވެ. ނަފްސަށް ޔަގީންކަން ލިބުނެވެ.

“ފައިން…” ގޮތްދޫކުރި ފަދައަކުން ޝާމާ ބުނެލިއެވެ. ފިރާޒަށް ލިބުނީ ހައިރާންކަމެވެ. އެހާ ފަސޭހައިން ޝާމާ ގޮތްދޫކުރާނޭ އޭނާ ހިޔެއްނުކުރެއެވެ.

“ކަލޭ ބޭނުންކަންތައް ވެދާނެ… އައި ވިލް ސްލީޕް ވިތް ޔޫ.” ޝާމާ ބުންޏެވެ. އަޖައިބުވީވަރުން ފިރާޒުގެ އަނގަ ހުޅުވުނެވެ. ދެ ލޯ ބޮޑުކޮށްލައިގެން އިރުކޮޅަކު ޝާމާއަށް ބަލަން ހުއްޓެވެ. ޝާމާގެ ޖެހިލުންކުޑަކަމާއި އޭނާ އެބުނީ ތެދުކަން ފިރާޒަށް ޤަބޫލުކުރަން ވަގުތުކޮޅެއް ނެގިއެވެ. ދެން ފެނުނީ މަޢުނަވީ ހިނިތުންވުމަކުން ފިރާޒުގެ ތުންފަތް އެއްމިޔަކަނުން ދެމިލިތަނެވެ.


(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *