“ތީ… މަންމާ…” ޝާއިނާ އެއްޗެކޭ ބުނަން އުޅުނެވެ.
“ޝާމާ ކުއްޖަކާ ރައްޓެހިވީތަ؟” މަންމަ ކުރި ސުވާލުން ޝާއިނާ ހައިރާންވިއެވެ.
“މިގޭ އޭނާ ނޫނީ އެހާ ޖެހިލުންކުޑަވެގެން ނޫޅޭނެ. އެކުއްޖާ ނުގަންނާނެ ލަދެއް ވެސް. ރަނގަޅަށްވިއްޔާ މިވެސް އޭނާގެ އެއްޗަކަށްވާނީ. މީހަކާ ހިތާވީ ތޯއްޗެއް. އަނެއްކާ އަނެއް ބޮލުގައި ރިހުމުގެ ފެށުން ކަންނޭނގެ މީ.” މަންމަ ކުއްލިއަކަށް ގޮތް ނިންމާލި ފަދައެވެ.
ކޮއްކޮގެ ބޮލުގައި ބަދުނާމު އެޅިއްޖެކަން އެނގިހުރެ ވެސް ޝާއިނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެ ތަކެއްޗަކީ ހަނާގެ ހަދިޔާއެކޭ ބުނާކަށް ޝާއިނާއަށް ލާހިކެއްނޫނެވެ. އެހެންނޫނަސް މަންމަގެ ނަޒަރުގައި އޭނާ ވިޔާނުދާކަމެއް ނުކުރާނެއެވެ. މަންމަ އަނެއްކާ ވެސް ޝާއިނާއަށް ގޮވާލިއެވެ.
“އާނ!… ހީވަނީ… ވެދާނެ ޝާމާގެ އެއްޗަކަށް…” ޖެހިލުންވެ ހާސްވެފައި ހުރެ ޝާއިނާ ބުނެލިއެވެ.
ބޭރުން ގެއަށް އައިސް ޝާމާ ވަނީ އެވަގުތެވެ. އޭނާއަށް ރުޅި އައިސް ރަތްވެފައި އިން މަންމައާއި ހާސްވެފައި ހުރި ދޮންތަ ފެނުނެވެ. ހަމައެހިނދު މަންމަ ނިކަން ބާރަށް ޝާމާއަށް ގޮވާލައި އެތަނަށް އައުމަށް ބުނެފިއެވެ.
“ކިހިނެއްވީ؟..” ޝާމާ އައިސް ހުއްޓިލަމުން މަންމައާއި ދޮންތައަށް ބަލާލިއެވެ.
“ކޮންއިރަކު މިކަހަލަ އެއްޗެހި ގަންނަންފެށީ. މީހަކާ އިންނަންވީތަ؟. ތިވައްތަރުވައްތަރަށް ނޫޅެ އަވަހަށް މީހަކާ އިންނަން އުޅޭ…” މަންމަގެ ވާހަކަ ނުނިމެނީސް ޝާއިނާ މަންމާއޭ ގޮވާލިއެވެ.
“މީ ޝާމާގެ އެއްޗެއްނު” މަންމަ އަނެއްކާ ވެސް ކުރިމަތިލީ ޝާމާއާއެވެ.
“އާން!… އަހަރެންގެ…” ޝާއިނާއަށް ބަލާލާފައި މަންމައަށް ބަލަން ހުރެ ޝާމާ ބުނެލީ އެއްވެސް އަސަރެއްނެތިއެވެ. އެހިނދު މަންމަގެ ރުޅި އިންތިހާއަށް ހިނގައިދާނޭ ވިސްނި ޝާމާގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ކުށްވެރި އިޙްސާސެއް ކުރެވިފައި ހުރި މީހަކު ފަދައިން އިސްޖަހާލައި ކުރިމައްޗަށް ގެނައި ދެއަތް ޖޯޑުކޮށްލައިފިއެވެ.
“މަންމާ… އަސްލު ވީގޮތަކީ… ރައްޓެހި ކުއްޖެއްގެ އެއްޗެއްތީ. އޭނާ ބަލާ އަންނަންދެން ބާއްވާލަދޭށޭ ބުނީ، މިއަދު ގުޅާނަން އޭނާއަށް، ތިގެންދަން ބުނާނަން.” ޝާމާ ބުންޏެވެ. މަންމައާއި ޝާއިނާގެ މޫނުން ވެސް ހައިރާންކަން ފާޅުވިއެވެ.
“ހޫން!.. ދެން އެންމެ ރަނގަޅޭ. ތިބުނާ ރައްޓެހިކުއްޖާ ގާތު ބުނާތި. މިކަހަލަ އެއްޗެހި ގަންނާކަށް އަދިނުވެޔޭ. ފިރިހެނުންނާ ދޯޅުވެގެން އުޅެންވެއްޖެނަމަ ލަނޑެއް ލިބިދާނެ. އެކުވެރިން ދޭ ތިކަހަލަ އެއްޗެހި ފޮރުވަން ހުރި މީހެއްނޫން ޝާމާއަކީ” މަންމަ ބުނެލިއެވެ.
“އޯކޭ މަންމާ. ބުނާނަން އޭނާ ކައިރީ…” ޝާމާ މިހެން ބުނެ ކޮތަޅަށް އެއްޗެހިތައް އަޅައިގެން އެ ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
* * * * *
އާމިލްއާއެކު ކޮފީގައި އިން ޝާއިނާ ގޭގައި ހިނގި ކަންތައް ކިޔައިދިނެވެ. މަންމައަށް ފަޅާއެރުމުން އެއްބަސްވާން ނުކެރުނީކަމާއި އެކަމުގެ އިލްޒާމު ޝާމާގެ ބޮލުގައި އެޅުނުކަމެވެ. އަދި ޝާމާ ސުވާލެއް ކުރުމެއްނެތި އެއްބަސްވީގޮތެވެ.
“އަހަންނަށް އަދިވެސް ނުވިސްނުނު ކީއްވެކަމެއް ޝާމާ އެއްބަސްވީ. އޭނާ އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ވެސް އަހަންނާ ނުދައްކާ. އެއްވެސް އެއްޗެކޭ ނުބުނޭ. ކީއްވެ؟…” ޝާއިނާ ބުނެލިއެވެ.
“ޝަންނު… މަންމަ އެހާ ރުޅި އަންނަންޖެހޭވަރުގެ ކޯއްޗެއް އަސްލު އޭގަ ހުރީ.” ވިސްނަން އިނދެފައި އާމިލް އެއްސެވެ.
“އައި ކާންޓް ޓެލް ޔޫ ދެޓް… އިޓްސް އަ ސީކްރެޓް…” ޝާއިނާ ލަދުން އަވަސްއަވަހަށް ބުނެލިއެވެ. އޭގައި ހުރީ އޭނާ އާމިލްގެ ގާތަށް ދާއިރު ލާން ހަނާ ހަދިޔާކޮށްފައި ހުރި އެއްޗެހިކަން ބުނާނީ ކިހިނެއް ހެއްޔެވެ. ޝާއިނާގެ މޫނު ރަތްވެލި ގޮތް ފެނި އާމިލް ހޭންފެށިއެވެ.
“ލަދުގަންނަވަރު އެއްޗެއްތަ އަނެއްކާ… އެނގޭ ލަދުންކަން ތިއުޅެނީ.” އާމިލްއާ ޖެހިގެން އިން ޝާއިނާއާ ގާތަށް ޖެހިލިއެވެ. އަދި އޭނާގެ ކޮނޑުގައި އަތްއަޅުވާލައި ވަކިން ބޮޑަށް ގާތްކޮށްލިއެވެ.
“ޝަންނު ބުނަން ބޭނުންވީމަ ބުނޭ. އަހަރެން އަޑު އަހާނަން. ޖަސްޓް ނޯ ދެޓް އައި ލަވް ސަޕްރައިޒަސް ލައިކް ދެޓް އެނީޓައިމް.” ޝާއިނާގެ ކަންފަތް ދޮށުގައި އާމިލް ބުނެލުމާއެކު ފޫޅުގަނޑުގައި ދަތްއަޅާލިއެވެ. ޝާއިނާ ސިހުނުވަރުން ފުންމައިގަނެވެން އުޅުނެވެ. ނަމަވެސް އާމިލް އިނީ އޭނާގެ ގައިގާ ހިފަހައްޓައިގެން ކަމަށްވާތީ މާބޮޑު ހަރަކާތެއްނުކުރެވުނެވެ.
“ވީ ޝުޑް ގޯ… އަހަރެން އެބައޮތް ނިންމަންޖެހޭ މަސައްކަތެއް” ޝާއިނާ ބަހަނާއެއް ދެއްކިއެވެ.
ކެފޭއިން ނުކުމެ ކޮލެޖަށް އައިސްވަން ޝާއިނާ ގުޅީ ހަނާއަށެވެ. ދެތިން ފަހަރަށް ގުޅިފަހުން އޭނާ ފޯނުނެގިއެވެ. ހަނާއަށް އެއްޗެކޭ ނުބުނެވެނީސް ޝާއިނާ ވާހަކަދެއްކިއެވެ.
“ހަނާ ބުނީ ދޯ އަމްމު ކައިރީ… ވަރަށް ފޫހިވޭ… އަހަރެން އަދި އެ ބޭނުންވެސް ނުކުރަނީސް.” ޝާއިނާ ބުންޏެވެ.
“ވަޓް؟… އެއްކަލަ ލާންޖަރީސްތަ؟… އަހަރެން ކީއްކުރަން އޭގެ ވާހަކަ އަމްމުއާ ދައްކަންވީ، އަހަރެމެން ވަކިން ދިމާނުވާތާ ވެސް ހަފްތާއެއް ވެދާނެ.” ހަނާ ބުންޏެވެ.
“އެކަމަކު ހަނާއަށް އެކަނި އެނގޭނީ. ދެން ކިހިނެއް އަމްމުއަށް އެ އެނގުނީ.” ޝާއިނާ ބުންޏެވެ.
“މަށަށް އެނގެނީ އަހަރެން ނުބުނަންކަން. އާ…” ހަނާގެ އަވަސްވެފައިވާ ނޭވާއާއި އާހުގެ އަޑެއް ފޯނުން އިވުނެވެ. ދެން އޭނާ އަވަސްއަވަހަށް ޝާއިނާ ގާތު މިވަގުތު ބިޒީކަމުގައި ބުންޏެވެ. މަސައްކަތެއްގައި ވަރަށް ބުރަކޮށްކަން އުޅެނީ ބުނެ ނިކަން އަވަހަށް ފޯނުކޯލު ކަނޑާލިއެވެ.
ޝާއިނާއަށް ފޫހިކަމާއެކު ފައިޖަހާލެވުނެވެ. އާމިލްގެ ވާހަކަތަކުން އޭނާއަށް ޝާއިނާދެއްކި އެއްޗެހީގެ ވާހަކަ އެނގޭކަން ޔަގީންކުރެވެއެވެ. އާމިލް ކުރިއަށްވުރެ ގައިގޯޅިވާން އުޅޭކަން ވެސް ޝާއިނާއަށް ފާހަގަވެއެވެ. އެކަމަކު އެފަދަ ގުޅުމަކަށް ދާން އަވަސްކަން ޝާއިނާއަށް ވިސްނެއެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ޢާންމުކޮށް އެންމެ ކުރިން އަންނަ ހަނާ އައީ ކުލާހަށް ވަންނަން ގަޑި ކައިރިވެފައި ވަނިކޮށެވެ. ޖިއާން ގަޔާވާ ކުއްޖަކާ ބައްދަލުވެ އޭނާގެ ނަންބަރު ލިބިގެން އެކަމުގެ ފޮނި ވާހަކައިގައި ޝާއިނާއާ ދެމީހުން ތިއްބައެވެ. ހަނާއައިސް ބެންޗުގައި އިށީން ގޮތުންނާއި އެމޫނަށް ބަލާލާފައި ވެސް އޭނާގެ ޠަބީޢަތް ރަނގަޅުނޫންހެން އެންމެނަށް ހީވިއެވެ.
“ހީ ވޯޒް ޗީޓިން އޮން މީ” ނުރުހުމާއެކު ހަނާ ބުނެލިއެވެ.
“ވަޓް؟… އަސްލުތަ؟…” ލިބުނު ހައިރާންކަމާއެކު ޝާއިނާއަށް އަހާލެވުނެވެ.
“އަދި އެނގުނީ ވެސް އެކަމުގައި ދެމީހުން ތިއްބާ. އައި ވޯޒް ހެވިން އަ ގުޑް ޓައިމް. އެހެންވެ އިނާގެ ކޯލު ވެސް އަވަހަށް ކަނޑާލީ.” ހަނާ ރުޅިގަދަވެގެން ބޮލުގައި ހިފަހައްޓާލިއެވެ. ކަންތައްވީގޮތް އެކުވެރިންނަށް އޭނާ ކިޔައިދިނެވެ. ޒައިދުގެ ކޮޓަރިތެރެއިން އަންހެން ކުއްޖެއްގެ ޖަންގިޔާ ފެނުނީކަން ހަނާ ބުންޏެވެ. މިއޮއްހުރިހާ ދުވަހު ހަނާ ހީކޮށްގެން ހުރީ ޒައިދުއަކީ މަޑުމަޑުން ހުންނަ ޒުވާނެއްކަމުގައެވެ. އެ ދެމެދުގައި އުފެދުނު ގުޅުމާމެދު އޭނާ ސީރިއަސްވާކަމުގައެވެ.
“ހީ ހޭވް ދި ނާވް ޓު ޗީޓް އޮން މީ… އާގް!….ހުވާ!… ހިތަށް އެރި ބުރިއަރުވާލަންވީއޭ.” ރުޅިގަދަވެގެން ހަނާ ހަލާކުވާން ކައިރިވެފައިވެއެވެ.
“ހާނާ… ކާމްޑައުން ގާލް… އެންޑް ވަޓް ދި ފަކ* އިޒް ރޯންގް ވިތް ދެޓް ގައި” ޝާއިނާއާއި ޖިއާންއަށް ބުނެލެވުނީ އެކުއެކީގައެވެ.
“އިނާ… ބުނަން. ހުރިހާ ފިރިހެނުން ވެސް ވާނީ އެއްގޮތެއް… އިތުބާރުނުކުރާތި. ވަރަށް ރަނގަޅުވެގެން އުޅޭނެ. އެކަމަކު އެއިން ކޮންމެ މީހަކީ ހަމަ މީގެ އެއްޗެއް…” ހަނާ ދައްކާލީ އޭނާގެ ޝަހާދަތް އިނގިލި ބަޅުކޮށްލާފައެވެ. ޝާއިނާ އިނީ ބުނާނޭ އެއްޗެއް ނޭނގި އަންތަރީސްވެފައެވެ.
“ޔޫ ބެޓާ ވޮޗް އައުޓް އިނާ… އަމްމުގެ ގޮތެއް ވެސް ނޭނގޭނެ. ގުޅީމަ ފޯނު ނުނަގައިފިއްޔާ ފޯނު ވެސް ބަލާތި. ޝައްކު ވެސް ކުރަން ޖެހޭނެ. މިއުޅޭ މީހުންގެ ގޮތެއް ހަމަ ނޭނގޭނެ.” ހަނާ ބުންޏެވެ.
“ހަ…ނާ…” ޝާއިނާއަށް ބުނާނޭ އެއްޗެއް ނޭނގުނީއެވެ. ހަނާއަށް ވެފައި އިން ގޮތް އޭނާއަށް އެނގެއެވެ. މިވަގުތު ހަނާއަށް އެއްވެސް އެއްޗެއް ވިސްނައެއް ނުދެވޭނެކަން ވެސް އެނގެއެވެ. އޭނާއާ ދެކޮޅަށް އެއްޗެކޭ ބުނެފިއްޔާ އަދި މާކަންތައް ގޯސްވާނޭކަން ޝާއިނާއަށް އެނގެއެވެ.
“އިނަފް… ގަޑި ޖެހެނީ. އާދޭ ދެމީހުން…” ޖިއާން ތެދުވަމުން ބުންޏެވެ.
އެހެންޏާ ފެންނަ ހަނާއެއް ކުލާސް ތެރެއަކުން ނުފެނެއެވެ. ފިލާވަޅުތަކަށް ވެސް މާބޮޑު ސަމާލުކަމެއް އޭނާގެ ނެތެވެ. އޭނާގެ ރުޅިއަކީ ހިތަށް ލިބުނު ހިތްދަތިކަމެވެ. ދެރަވެ ހިތުގައި ޖެހިފައި ހުރިކަން ދެއްކުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ ރުޅިވެރިކަމެވެ. އެކުވެރީންނަށް ވެސް އޭނާ ދެއްކީ އެ ރުޅިވެރިކަމެވެ. އެކަކުގެ ކުރިމަތީ ވެސް އޭނާ ރޯކަށް ބޭނުމެއްނޫނެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ހުޅުމާލޭގެ ސިނަމާގައި އާމިލްއާއެކު ޝާއިނާ އިނީ ފިލްމެއް ބަލާށެވެ. ހަނާގެ ހާލު އާމިލްއަށް ޝާއިނާ ކިޔާދިނެވެ. ޚުދު އޭނާއަށް ވެސް ހަނާއަށް ވީގޮތުން އޭނާ ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނުނެވެ.
“މީހަކު ހުންނަ ގޮތަކުން ނޭނގޭނެ ބުނާކަށް އޭނާގެ ގޮތެއް.” އާމިލް ބުންޏެވެ.
“އަހަރެމެން ވެސް ތިބީ ޝޮކުވެފަ. އެނީވޭޒް. އެހެންވެ ހަނާ ކައިރީ ނުބުނީ ފިލްމަށް އަންނަން އުޅޭ ވާހަކަ. އޭނާ އަދި ބުނި އަމްމު ފޯނު ނިއްވާލައިގެން އުޅޭނަމަ ބަލައްޗޯ. ނޭނގޭނެ އޯ ގޮތެއް…” ޕޮޕްކޯން އެތި ހިފައިގެން އިސްކުރީނަށް ބަލަން އިނދެ ޝާއިނާ ބުނެލިއެވެ.
“ޝަންނު…” އާމިލް ގޮވާލީ ތަފާތު ގޮތަކަށެވެ. ޝާއިނާގެ ސަމާލުކަން ވަގުތުން އޭނާއަށް ހުއްޓުނެވެ.
“ޝަންނު އަހަންނަށް އިތުބާރެއްނުކުރަންތަ؟” މަޢުނަވީ ގޮތަކަށް އާމިލް އަހާލިއެވެ. ދެއްކުނު ވާހަކައާ މެދު ޝާއިނާއަށް ވިސްނާލެވުނީ ދެނެވެ. އާމިލްގެ މޫނުން މާޔޫސްވެއްޖެ ފަދަ އަސަރުތަކެއް ފާޅުވެލިއެވެ.
“އެހެނެއްނޫން…. އެދެން ހަނާ…” ޝާއިނާ ބުނަން އުޅުނު ވަގުތު އާމިލް ވާހަކަދެއްކިއެވެ.
“ފިލްމް އެ ފެށުނީ…” އާމިލް ބުނެލިއެވެ. އެއާއެކު އެ ދެމެދުގައި ދެކެވުނު ވާހަކަ އޮބިއްޖެއެވެ. އިތުރު އެއްޗެކޭ ބުނަން ވެސް ޝާއިނާއަށް ނުކެރުނީއެވެ. އާމިލް ހިތަށް އަރާފާނެ އެއްޗަކާމެދު އޭނާއަށް ވިސްނާލެވުނީއެވެ.
ފިލްމް ބަލަން އިން ނަމަވެސް ޝާއިނާއަށް ފުރިހަމަ ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ވިސްނެނީ އާމިލްއާ މެދުއެވެ. ފަހަކަށް އައިސް އާމިލްއަށް ބަދަލުތަކެއް އަންނަހެން ހީވަނީއެވެ. އެކަމަކު އޭނާ ޝާއިނާގެ އިތުބާރު ގެއްލޭވަރު ކަމެއް ނުކުރެއެވެ. ލޯބިވާކަން ވެސް އެނގެއެވެ. ޝާއިނާ ބޭނުންވުމުން ވަގުތު ވެސް ދެއެވެ. އެކަމަކު ވެސް ބަޔާންކުރަން ނޭނގޭ ފަދަ ގޮތެއް އޭނާއަށް އިޙްސާސް ކުރެވެންވީ ސަބަބެއް ޚުދު ޝާއިނާއަކަށް ވެސް ނޭނގެއެވެ.
ސިނަމާއިން ނުކުމެގެން ދެމީހުން ވާހަކަދައްކަމުން އައިސް އާމިލްގެ ސައިކަލު ޕާކުކޮށްފައި ހުރި ތަނަށް އާދެވިއްޖެއެވެ. ފިލްމާ ގުޅޭ ގޮތުން އާމިލް ވާހަކަދެއްކިއެވެ. އޭނާގެ ވާހަކައިގައި ބައިވެރިވުމަށް ޝާއިނާ ވެސް ދެތިންކަމެއް ފިލްމުން ފާހަގަކުރިއެވެ.
“ޝަންނުއަށް އެނގޭތަ؟… ރޭގަ ޝާމާއާ ބައްދަލުވި.” އާމިލް ބުންޏެވެ. ވަގުތުން ޝާއިނާގެ ހަރަކާތްތައް ހުއްޓުނެވެ.
“އަހަންނަށް އޭނާގެ ފަހަތުން ފިރާޒު އަންނާތީ…” އާމިލްގެ ވާހަކަ ނުނިމެނީސް ޝާއިނާ ވާހަކަދެއްކިއެވެ. އޭނާ އާމިލްއާ ނުހަނު ގާތަށް ޖެހިލިއެވެ.
“ޝާމާއޭ… ކޮންތާކުން… ކޮންތާކުން ބައްދަލުކުރީ… އެހެންވެތަ ފޯނު ނިއްވާލާފައި އޮތީ… ކީއްވެ ތިދެމީހުން ބައްދަލުވާންވީ…” ޝާއިނާގެ ޠަބީޢަތް ބަދަލުވިއެވެ. އާމިލް ހައިރާންވިއެވެ. އޭނާ ޝާއިނާގެ ކޮނޑުގައި ހިފެހެއްޓިއެވެ.
“ޝަންނު… އަޑުއަހާބަލަ… އަހަރެންގެ ވާހަކަ ނުވެސް ނިމެއެއްނު ތި ގޮތް ނިންމަންފެށީ…” ޝާއިނާގެ ސަމާލުކަން ހޯދަން އާމިލް ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ.
“އަހަރެން ބުނަން އުޅުނީ، ޝާމާގެ ފަހަތުން އެއްކަލަ ފިރާޒު އަޅުވާލައިގެން ފާރަލަމުން އަންނަނިކޮށޭ ފެނުނީ.” އާމިލް ލަސްލަހުން ބުނެލިއެވެ.
“ސޮރީ…” ޝާއިނާއަށް އެއްވެސް ސަބަބެއް ނެތި ކުއްލިއަކަށް ރުޅިއާދެވުނީތީ ބުނެލިއެވެ.
“ފިރާޒު އެހެން އުޅޭކަމަށްވަންޏާ ވަރަށް ބަލައިގެން އުޅެންވާނީ. ޝަންނުއަށް އޭނާ ދިމާކުރި ގޮތް އެނގެއެއްނު. އަލުން އެކަހަލަ ކަމެއް އޭނާ ކޮށްފާނެ… އެވަގުތު އަހަރެން ހިތަށް އެރީ އެހެން. ޝަންނުގެ މަތިން ހަނދާންވީ.” އާމިލް އިތުރަށް ތަފްސީލުކޮށްދިނެވެ.
* * * * *
ހަފްތާގެ ކިޔެވުން ކުރިއަށް ދިޔަ ދުވަހެކެވެ. ކޮލެޖުގެ ބެންޗުތަކާއި އިމާރާތުގެ ސަރައްކާލިތަކުގައި އެކި ދާއިރާގެ ދަރިވަރުންތައް ހޭލަމޭލަވެ އުޅެއެވެ. ރޭގަނޑު އެންމެ ފަހުގެ ކުލާސްތައް ނިމި ކުދީންތައް ގެއަށްދާން އިމާރާތުން ނުކުންނަންފެށިއެވެ. އެވަގުތު ޝާމާގެ އެކުވެރިއެއް ކަމަށްވާ ލިއުޝާއައެވެ. މިފަހަކަށް އައިސް ޝާމާ ގެއަށް ދަނީ ލިއުޝާއާއެކުއެވެ. ގެ ކައިރިވީމައެވެ. އެއްހިސާބެއްގައި އުޅޭތީއެވެ. ދެކުދީން ކިޔަވަނީ އެއް އިމާރާތެއްގައި ވިޔަސް ތިބެނީ ދެ ކުލާހުގައެވެ. އެހެންވެ ލިއުޝާ އަންނަންދެން ކޮލެޖުގެ ގޭޓު ކައިރީ ޝާމާ މަޑުކުރަނީއެވެ.
“އައި އޭމް ސޮރީ…” ދުވެފައި އައިސް މަޑުކޮށްލި ލިއުޝާ ބުނެލިއެވެ.
“ޔާފިއު އައިސް ކަމެއްގައި އެހީވެދޭން ބުނެފި. ތަންކޮޅެއް ލަހުން ދެވޭނީ… ސޮރީ ޝާމާ.” ލިއުޝާ ބުންޏެވެ.
“އޯކޭވާނެ. އެހެންވީމަ އަހަރެން ދެން ދަނީ.” ޝާމާ ބުންޏެވެ.
ކޮލެޖު ދޮރުމަތިން ޝާމާ ފެނުމުން އާމިލް މަޑުކުރިއެވެ. ގެއަށް ދަނީތޯ އެއްސެވެ. ޝާމާ އާނއެކޭ ބުންޏެވެ. އެކަނިތޯ ދަނީ އާމިލް އެއްސެވެ. ޝާމާ އެއްޗެކޭ ނުބުނެ ކައިރީގައި ހުރި ލިއުޝާއަށް ބަލާލީއެވެ. އާމިލްއަށް ވިސްނުނީ ޝާމާގެ ގާތުގައި ހުރި އަންހެންކުއްޖާއާއެކު ދެމީހުން ގެއަށް ދަނީ ކަމަށެވެ. އެހެންވެ އޭނާ މަޑުނުކޮށް ދިޔައީއެވެ.
“ވާއު… ހީ އިޒް ހޮޓް… ކާކު އެއީ؟” ލިއުޝާ ބޯއަރިކޮށް މަގުމައްޗަށް ބެލިއެވެ. އާމިލް ދިޔަ ދިމާއަށެވެ.
“އާ… އެއީ… ދޮންތިގެ ބީއެފް.” ޝާމާ ގަދަކަމުން ބުނަން މަޖުބޫރުވެގެން ބުނެލި ކަހަލައެވެ.
“އަސްލު!… ޔޯ ސިސް ހާދަ ލަކީއޭ. ހީ ލުކްސް ސޯ ސުވީޓް.” ދެ ލޯ ބޮޑުކޮށްލަމުން ލިއުޝާ ބުނެލިއެވެ.
“ޔެސް. ހީ އިޒް ވެރީ ސުވީޓް” ތަފާތު މާނައެއްގައި ޝާމާ ބުންޏެވެ.
* * * * *
ލައިބްރަރީގައި ޝާއިނާއާއި ހަނާ ތިއްބެވެ. އެސައިންމެންޓަކަށް ތައްޔާރުވާށެވެ. ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމުގައެވެ. އެކަމަކު މަސައްކަތް ކުރިއަށްދާ ވަރަށްވުރެ ދޫ ހެލޭލެއް ހަލުވިއެވެ. ޝާމާއަށް ފިރާޒު ފާރަލީ ވާހަކަ ޝާއިނާ ބުނީ އެތަނުގައި އިނދެފައެވެ.
“ހަމަހުވާތަ؟” ހަނާއަށް ބުނެވުނީ ނިކަން ބާރަށެވެ. އެވަގުތު އެތަނުން މޭޒެއްގެ ދޮށުން ކުއްޖަކު އަޑުމަޑުކުރާށޭ ބުނާހެން އަޑު ލައްވާލިއެވެ. އެއާއެކު ޝާއިނާއާ ކައިރިވެލައިގެން އިނދެ ސިއްރުން ހަނާ ވާހަކަދެއްކިއެވެ.
“ދެން ކިހިނެއް ހެދީ. ޝާމާ ކިހިނެއް؟” ހަނާ އަހާލިއެވެ.
“އަމްމުއަށް ފެނުނީ. އަމްމު އޭނާއާއެކު ގެއާ ހަމައަށް އައީ.” ޝާއިނާ ކިޔާދިނެވެ.
“ހުވާ މިބުނީ. އޭނާގެ ދެފައި ދޭތެރޭ އެ އޮންނަ އެތިން ބިސްގަނޑެއް އަޅަންވީ.” އަތްތިލަ މުއްކަވާލަމުން ހަނާ ބުނެލިއެވެ. ޝާއިނާއަށް ކުޑަކޮށް ހީނލެވުނެވެ.
ލައިބްރަރީގައި ތިބެގެން ހަނާއަށް އަރާ ފޯރީގައި ވާހަކަނުދެއްކޭނެކަން އެނގޭތީ ދެ އެކުވެރިން ގަސްދުކުރީ އެތަނުން ނުކުންނާށެވެ. ހަމަޖެހިގެން މިނިވަންކަމާއެކު ވާހަކަދައްކާލަން ތިބެވޭނެ ތަނަކަށް ދާށެވެ.
* * * * *
ޝާމާ ހޯދައިގެން އޭނާ ގޮވައިގެން ހަނާ އައެވެ. ޝާއިނާ ވެސް އިނީ ހައިރާންވެފައެވެ. ޝާމާގެ ބުރަކަށީގައި ހަނާ ކޮށްޕަމުން ގެނެސް ޖިއާނާއި ޝާއިނާ ތިބި ބެންޗުގައި ބައިންދައިފިއެވެ. އަދި ހަނާ އިށީނދެ އަމިއްލަ ސަލާމަތައް ބޭނުންކުރެވޭނޭ އާލަތްތަކެއް ދަބަހުން ނެގިއެވެ. އަމިއްލަ ދިފާއުވާނޭ ގޮތުގެ ފިލާވަޅުތަކެއް ޝާމާއަށް ނަގައިދޭން ހަނާ ތައްޔާރުވި ކަހަލައެވެ.
“ހަނާ… ސިންގަލްވީމަ ފޫހިވެގެން ދޯ ތިއުޅެނީ. ތިހުރިހާކަމެއް ތިކުރަނީ އެހެންވެއެއްނު.” ޝާއިނާއަށް ބުނެވުނެވެ. ހަނާގެ މޫނަށް ވީގޮތުން ޝާއިނާއަށް ބުނެވުނީ ތެދެއްކަން ޔަގީނެވެ.
“ވަ… ވަޓް؟… އަހަރެން މިއުޅެނީ ޝާމާ ސަލާމަތްކޮށްދޭން…” ހަނާ ބުނެލިއެވެ.
“ތެންކިއު…” ޝާމާ މަޢުސޫމް ގޮތަކަށް ބުނެލިއެވެ.
“އޮފްކޯޒް… އިނާއަށް އުޅެން ދަތިވި އޭނައާ ހެދި. އެކަންމަތިން އަދި ހަނދާނެއް ނުނެތޭ އަހަރެމެން. ދޯ ޖިއާން.” ހަނާ ބުންޏެވެ. ޖިއާން ވެސް ހަނާގެ ވާހަކައިގައި ބައިވެރިއެވެ.
ވާހަކައިގައި ތިބެފައި ޝާމާގެ ނަޒަރު ޝާއިނާއަށް ހުއްޓުނެވެ. އޭނާ އިނީ ބަހެއް ނުކިޔައެވެ. ޝާމާ ފާޑަކަށް ހިނިތުންވެލީއެވެ. ޝާއިނާ އަޖައިބުވިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވަނީ ކީކޭބާއެވެ. އޭނާ ހިނިތުންވެލީ ކޮންބޭނުމަކު ބާއެވެ. އެއާއެކު ޝާއިނާއަށް ބަލާލެވުނީ އޭނާގެ ދެއެކުވެރީންނަށެވެ. އެމީހުންނަށް ކުއްލިއަކަށް ޝާމާ މާ މުހިންމު ވެއްޖެހެން ހީވިއެވެ. އެތަނުގައި ބާކީވެފައި އިންކަމުގެ އިޙްސާސް ޝާއިނާއަށް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެކަން ފާހަގަކުރަން ޝާއިނާގެ ހިތަށް އެރިއެވެ. ޝާމާ ފޮނުވާލައި އެކުވެރީންގެ ސަމާލުކަން ހޯދަން ޝާއިނާ ބޭނުންވިއެވެ. ނަމަވެސް އޭނާ ހަދާންވީ ކަންކަމާ މާ އަވަހަށް ހާސްވެ ޝައްކުކުރެވޭކަމެވެ. ޢާމިލް ވެސް އޭނާއާ ދިމާއަށް އިތުބާރު ނުކުރަނީތޯ ބުނެފިއެވެ. އެކުވެރީން ވެސް އެފަދައިން ބުނެފާނެއެވެ. އެހެންވެ ބުނާނޭ އެއްޗެއް ޝާއިނާއަށް ނޭނގުނެވެ. ދޫ ހަރަކާތެއް ނުކުރިއެވެ. ފެންނަ މަންޒަރުން ހީވަނީ ޝާއިނާ އެތަނުގައި އިންދާ އޭނާގެ ސިފައިގައި ހުރި އެހެންމީހަކު އޭނާގެ ޖާގަ ފުރަމުންދަނީ ހެންނެވެ.
“ހޭ… އައި ހޭވް ޓު ގޯ…” ކެތްނުކުރެވިގެން ޝާއިނާ ތެދުވިއެވެ. ބަހަނާއެއް ދެއްކި ނަމަވެސް މިފަހަރު އެކަކު ވެސް ސުވާލެއް ނުކުރިއެވެ. މާއަވަހަށް ދާތީ އޭނާ ހުއްޓުވާކަށް ވެސް ދެ އެކުވެރިންކުރެ އެކަކުވެސް ނޫޅެއެވެ. މަޑުމަޑުން ބެންޗާ ދުރަށް ޝާއިނާ ހިނގައިގަތެވެ.
* * * * *
ގޭތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ފޯނު ހިފައިގެން ޝާއިނާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. އިރުއޮއްސެން އުޅެނިކޮށް މަންމަ ކޮޓަރިން ނުކުތެވެ. ހެދުމެއް ގަންނަންދާ ވާހަކަ ބުންޏެވެ. ޝާއިނާ ގަންނަން ޖެހޭ އެއްޗެއް އޮތްތޯ މަންމަ ސުވާލުކުރިއެވެ. އެތައް އިރަކު ވިސްނަން އޮވެ ޝާއިނާ ވަނީ ގޮތެއް ނިންމާފައެވެ. ޝާމާ އެއްބަސްވިޔަސް މަންމަ ދެއްކި “ލާންޖަރީސް” އަކީ އޭނާގެ އެއްޗެއް ނޫންކަން ބުނަން ޝާއިނާ ގަސްދުކުރިއެވެ. އެއީ ޝާއިނާގެ އެއްޗެއްކަން ތެދުބަހުން ބުނަން ޝާއިނާ ބޭނުންވިއެވެ.
“މަންމާ… ކުރިން ދުވަހު ދެއްކި ލާންޖަރީސް އެނގެއެއްނު…” ޝާއިނާ ސޯފާއިން ތެދުވެ އިށީނެވެ. މަންމައަށް ބަލަން އިނީ ތެދު ހާމަކުރުމުން ވާނޭ ކޮންމެ ގޮތަކަށް ތައްޔާރުވެގެންނެވެ.
“އޭގެ ވާހަކަ ނުދައްކާ. އަހަރެން ވެސް ލަދުގަތް އެ ފެނިފަ. އަހަރެން އެ ނެގީ ޝާމާގެ އެނދުދަށުން. އެހެންވެ އަހަރެންނަށް އެނގުނީ އޭނާގެ އެއްޗެއްކަން އެއީ. އެހެންވިޔަސް ޝާއިނާއަށް އެނގިފަ އޮވެދާނެކަމަށް މަންމަ އެހީ ކާކުގެ އެއްޗެއްތޯ. އެކުއްޖާ ކިހިނެއް އުޅެންތަ އެ އުޅެނީ…” މަންމަ ބުންޏެވެ. އެ އަޑުގައިވަނީ ޝާމާއާ މެދު ކަންބޮޑުވުމެވެ. މަންމަގެ ވާހަކަ އިވި ބަސްހުއްޓިފައި ޝާއިނާ ހުއްޓެވެ.
* * * * *
ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ އިމާރާތުން އާމިލްއާއެކު ޝާމާ ނުކުތެވެ. އޭނާ ދަނީ ކަމުގައި ބުނެ ދާން އުޅެން ފެށުމުން އާމިލް އޭނާ ހިފެހެއްޓިއެވެ.
“އާ ޔޫ އޯކޭ… އެކަނިތަ ދަނީ. އަހަރެން ޑްރޮޕްކޮށްދީފާނަން.” އާމިލް ބުންޏެވެ.
“ރަނގަޅުވާނެ. ރައްޓެއްސަކާ މީޓުކުރަންވެފަ އޮތީ. މިތާ ކައިރީގަ އޭނަ އުޅޭނީ.” ޝާމާ ބުންޏެވެ. އޭނާ ހިނގައިގަންނަން އުޅުމުން އާމިލް ގޮވާލިއެވެ.
“ޝަންނު… ތިބުނާ ފްރެންޑަކީ އަންހެންކުއްޖެއްތަ؟” އާމިލް އަހާލިއެވެ. ޝާމާ ހީނލިއެވެ.
“ސާބަސް… އާން!… އަންހެންކުއްޖެއް އެއީ.” ޝާމާ ބުންޏެވެ.
އިމާރާތެއްގެ އެއްފަރާތަށް އޮތް ގޯޅީގެ ކަންމަތީ ފޯނު ހިފަހައްޓާލައިގެން ހުރި ފިރާޒުގެ ނަޒަރު ހުރީ ފޯނުގެ އިސްކުރީނަށް ހުއްޓިފައެވެ. އޭނާ ދެންމެ ނެގި ފޮޓޯ ފޯނުގެ އިސްކުރީނުން ފެންނަން ހުއްޓެވެ.
“ވަޓް ދި ހެލް… ދިސް އިޒް އިންސޭން…” ޤަބޫލުނުކުރެވިފައި ހުރި ގޮތަކަށް ފިރާޒަށް ބުނެވުނެވެ.
* * * * *
ގޭ މައިދޮރުން ވަދެގެން އައިސް ސިޓިން ރޫމަށް ޝާމާ ވަނެވެ. އޭރު ޝާއިނާ ކަމަކަށް ގެއްލިފައި އިންހެން ސޯފާގައި އިނެވެ. ޝާމާ ފެންނަންވީއިރަށް އޭނާ ޝާމާއަށް ގޮވައިފިއެވެ. އޭނާއާއެކު އިހަށް އައުމަށް ޝާއިނާ އެދުނެވެ.
“ދޮންތީ…” ޝާއިނާ އައިސް ޝާމާގެ އަތުގައި ހިފާލުމުން ގޮވާލިއެވެ. ޝާމާގެ އަތުގައި ހިފައިގެން ޝާއިނާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ލައްޕާލައި ދޮރުފަތުގައި ލެނގިލަމުން ކޮއްކޮއަށް ޝާއިނާ ބަލާލިއެވެ.
“ދޮންތި، ހާދަ ސީރިއަސްވެފަ. ކިހިނެއްވީ؟” ވަގުތުކޮޅަކަށް ޝާއިނާ ހިމޭންވެފައި ހުރުމުން ޝާމާ ވާހަކަދެއްކިއެވެ.
“ވަޓްސް ރޯންގް ވިތް ޔޫ؟” ހަޤީޤަތުގައި ވެސް ސުވާލު އުފެދިފައި ހުރި މީހަކު ފަދައިން ޝާއިނާއަށް ބުނެވުނެވެ.
“އެ ލާންޖަރީސް ބޭގް ހުރީ ޝާމާގެ ކޮޓަރީގައި. އެތަނުން އެ ފެނުނީ.” ޝާއިނާ ބުނީ ފޫހިކަމާއެކުއެވެ.
“ވަޓް ޑޫ ޔޫ މީން.” ޝާމާ ހައިރާންކަން ފާޅުކުރިއެވެ.
“ނޭނގޭކަމަށް ނުހަދާ. މަންމައޭ ބުނީ… ޝާމާގެ އެނދު ދަށުން ނެގީ މަންމަގެ އަތުން.” ޝާއިނާ އަޑަށް ބާރުލާފައި ބުނެލިއެވެ.
— ނުނިމޭ —