DHEBEENUN [EP-02]

ޝާމާ އެބުނާ އެއްޗެއް ޝާއިނާއަށް ނުވިސްނުނެއްކަމަކު އެއްކަމެއް ހަނދާންވިއެވެ. އެހެންވިޔަސް އެކަމާ ވިސްނަން ޝާމާގެ ކުރިމަތީ ހުންނާކަށް އޭނާ ބޭނުމެއްނޫނެވެ. މަންމަ އެ ދިޔައީ ޝާއިނާ ކުށްވެރިކޮށްފައެވެ. އޭނާއަކީ ކުދިކުދި ކަންތައްތަކާ ރުޅި އައިސް އަޑުގަދަކުރާ މީހެއްނޫނެވެ. މަންމަގެ ބަސްއަހާ ދަރިފުޅެވެ. ޝާމާއަށް ބަލާލުމެއްނެތި ޝާއިނާ ހަރުކޮށް ހިނގާފައި އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. އެނދުގައި ފޫޖައްސާލެވުމާއެކު ހަށިފުރާ ނޭވާއެއް ލިއެވެ. ނަފްސު ހަމައަކަށް އެޅުވުމަށެވެ. އަދި ކަންތައްތައް ހިނގައިދިޔަ ގޮތާމެދު އޭނާ ވިސްނަންފެށިއެވެ. ހަނދާނަށް އައީ މަންމައާއި ބައްޕަ ޝާމާދެކެ ރުޅި އައިސް ކޮއްކޮއާ ވާހަކަދެއްކުން ހުއްޓާލި ދުވަސްތަކެވެ. އެއީ ފައުންޑޭޝަން ކޯހުގެ ނަތީޖާއާ މެދު މަންމަ ހިތްހަމަނުޖެހި ގޭގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ. ޝާމާ ވެސް ފުރަތަމަ ފަހަރަށް މައިންބަފައިންނާ ދިމާއަށް އެއްޗެހިކީ ރެއެވެ. ޝާއިނާގެ ހިތް ކޮއްކޮއާ މެދު ހަމްދަރުދީއިން ފުރުނު ރެއެވެ. ކޮންމެ ގޮތަކުން ވިޔަސް ކޮއްކޮއަށް އެހީވާން ޝާއިނާ އެރޭ ނިންމިކަމެވެ.

ޝާމާ ހަމަޖެހެން ދެ ދުވަސް ދިނުމަށްފަހު އޭނާއާ ޝާއިނާ ބައްދަލުކުރީއެވެ. ކުރިން ވެސް ޝާމާއަށް “އިމޯޝަނަލީ” އެއްބާރުލުންދީ އެހީތެރިކަން ޝާއިނާ ފޯރުކޮށްދެއެވެ. އެކަމަކު އެފަހަރު ތަފާތެވެ. ޝާމާ ގާތު އާ ހިތްވަރަކާއެކު ކޯހުން ފާސްވާން މަސައްކަތްކުރަން ޝާއިނާ ބުންޏެވެ. ޝާއިނާގެ ފަރާތުން ވެދެވެން އޮތް އެހީތެރިކަމެއްވިއްޔާ އޭނާވިއެވެ. ފިލާވަޅުތަކުގައި ޝާމާއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ނޭނގިގެން އުޅޭ ފިލާވަޅުތައް ކޮއްކޮގެ ސިކުނޑިއަށް ނަގައިގަނެވެންދެން އޮޅުންފިލުވައި ދެއެވެ. އެކި ކުދީންނަށް ކަންކަން ދަސްވެ ނަގައިގަނެވޭނީ އެކިވަރަށްކަން ޝާއިނާއަށް އެނގެންފެށީ ޓިއުޝަން ސެންޓަރަށް ވަން ފަހުންނެވެ. ޓީޗަރުންގެ މަސައްކަތްތައް ބުރަވެފައި، އެމީހުންގެ ކެތްތެރިކަން ޝާއިނާއަށް އިޙްސާސްވީ ޚުދު އޭނާ ކުދީންތަކަކަށް ކިޔަވައިދޭން ފެށީމައެވެ. ކޮއްކޮއާ މެދު ޝާއިނާ ވަރަށް ކެތްތެރިވިއެވެ. އެންމެންފަހުން ފައުންޑޭޝަން ކޯސް ނިމި އަނެއްކާ ވެސް ނަތީޖާ ދޫކުރާ ދުވަސް ޖެހުނީއެވެ. އެރޭ ކުލާހުން ގެއަށް ޝާއިނާ އައިތަނާ އޭނާގެ ފަހަތުން ޝާމާ ހަލުވިކޮށް އައިސް އެ ކޮޓަރިއަށް ވަނެވެ.

“ރިޒަލްޓްތައް ނެރުނީތަ؟” ޝާމާ ފެނުމުން ޝާއިނާ އަހާލިއެވެ.

“އާން…” ފާޑަކަށް ހުރެ ޝާމާ ބުންޏެވެ.

“ކިހިނެއްވަނީ މިފަހަރު؟” ޝާއިނާއަށް އަހާލެވުނީ ނަތީޖާ ރަނގަޅުވާނޭ ހެން ވަރަށް ބޮޑަށް ހީވާތީއެވެ. ޝާމާ ތަމްރީނުކުރީ އޭނާއަށްވާއިރު، އިމްތިހާނަށް ޝާމާ ދިޔައީ ވެސް ވަރަށް ތައްޔާރުވެގެންކަން އެނގޭތީއެވެ.

“ދޮންތީ!… އައި ކާންޓް ޑޫ އިޓް” ޝާމާ ހިނދުކޮޅަކަށް މަޑުޖެހިލާފައި ބުންޏެވެ.

“ވަޓް ޑޫ ޔޫ މީން؟” ޝާއިނާއަށް އަހާލެވުނީ ހައިރާންކަމާއެކުއެވެ.

“ބިރުން ބަލަން ނުކެރިގެން މިހުންނަނީ” ޝާމާ ބުންޏެވެ. އެއާއެކު ޝާއިނާއަށް ހީނލެވުނެވެ. ޝާމާ ގޮވައިގެން ކޮއްކޮގެ ކޮޓަރިއަށް ޝާއިނާ އައެވެ. ޝާމާގެ ކިޔަވާ މޭޒުދޮށުގައި ޝާއިނާ އިށީނދެ ކޮލެޖުގެ ސައިޓަށް ވަނީ ވެސް އޭނާއެވެ. އަދި ޝާމާގެ އެކައުންޓަށް އޭނާ ދިން ނަންބަރު ޖަހައި ލޮގިންވެއްޖެއެވެ.

“ޔެސް!… އާ!….. ޔޭސް!… ޝާމާ!… ޔޫ ޕާސްޑް” އުފާވިވަރުން ޝާއިނާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.

“ރިއަލީ…” ޝާމާގެ މޫނުން ފާޅުވަނީ ޝާއިނާ ބުނި އެއްޗެއް އޭނާއަށް ޤަބޫލުނުކުރެވިފައި ހުރި ހެންނެވެ.

“ލުކް ފޯ ޔޯ ސެލްފް” ފުޅާ ހިނިތުންވުމާއެކު ޑެސްކްޓޮޕްގެ އިސްކުރީނު ކޮއްކޮއަށް ޝާއިނާ ދައްކާލިއެވެ. އޭނާ ކައިރިވެލުމާއެކު އިސްކުރީނަށް ނަޒަރު ހިންގާލިއެވެ. އެ މޫނުގެ އަސަރުތައް ބަދަލުވި ގޮތް ޝާއިނާ ދުށްޓެވެ. ޝާމާއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު ހީނލެވުނެވެ. އަނގަމަތީ ކަނާއަތްތިލަ ޖައްސާލައި ދައްތައާ ދިމާއަށް ބަލާލިއެވެ. މޮޔައެއްހެން އޭނާ ހޭންފެށިއެވެ. އަނގަމަތިން ޝާމާ އަތްނެގި ގޮތަށް ގާތުގައި އިން ދައްތަގެ ގައިގާ ބައްދައިގަތެވެ. އެއީ އުފާވެރި ވަގުތުކޮޅެކެވެ. ދެބެން ބައްދައިގަނެގެން ތިބެ ހެމުން ފުމުނީމެވެ. ޝާމާ ދުރަށް ޖެހިލުމުން ޝާއިނާ އޭނާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.

“އައި ޑިޑް އިޓް” ޝާމާ މިހެން ބުނެލިއިރު އޭނަގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލައިފިއެވެ. ލޯބިން އެ ކޮއްކޮގެ ދެ ލޯ ޝާއިނާ ފުހެލަ ދިނެވެ.

“ދެޓްސް ގްރޭޓް، އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ސިސް” ހިނިތުންވުމަކާއެކު ޝާއިނާ ބުންޏެވެ. އަދި މަންމަ ގާތު އަވަހަށް ބުނަން ހިނގާށޭ ވެސް ބުންޏެވެ.

“މިފަހަކުން އާ ހެދުމެއް ޝާމާ ލަނިކޮށް ދޮންތި ނުދެކެން، ކުލާސްތައް ފެށެންވާއިރަށް ހެދުން ކޮޅެއް ވެސް ގަނެލަން ވާނެއެއްނު، ދޮންތި ޝޮޕިންކުރާ ފިހާރަތައް މެސެޖުކޮށްލާނަން، އަގުހެޔޮވެފަ ވެރައިޓީސް ގިނަވާނެ…” ކޮއްކޮގެ އުފާވެރިކަމުގައި ހިތްއަވަސްވެފައި ހުރެ ޝާއިނާ ލަފާ ދިނެވެ.

“އަސްލުވެސްތަ؟ ދޮންތީ!…” ޖަޒުބާތީ ގޮތަކަށް ޝާމާ ބުނެލިއެވެ.

އެނދުގައި އިނދެ ޝާއިނާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ. ހުރިހާ ކަމެއް ހަނދާނަށް އައުމުންނެވެ. ޝާއިނާއާ ދިމާއަށް ކޮއްކޮ ބުނި ބަސްތަކަކީ ތެދުކަން ވިސްނުނީއެވެ. އެހެންވިޔަސް އޭނާއަށް ލަފާ ދިނީ ޝާއިނާ ގަންނަ ކޮންމެ ވައްތަރަކުން އެއްޗެއް ގަތުމަކަށް ނޫނެވެ. ޝާމާއަށް ވިސްނުނުގޮތް ތަފާތުވީކަމަށް ވެދާނޭ ޝާއިނާ ހީކުރިއެވެ. ކުޑައިރު ޝާއިނާއާއި ޝާމާ އެއްކަހަލަ ހެދުން މަންމަ ލައްވާ ހަދައެވެ. އުމުރުގެ ގޮތުން އެއްވަރުވީމާ ފަހުގެ “ޓްރެންޑްޓް”ތައް ޝާއިނާއަށް ކަމުދާ ގޮތަށް ކޮއްކޮއަށް ވެސް ކަމުދިއުމަކީ ވެދާނެ ގޮތެކޭ ޝާއިނާގެ ޟަމީރު ވިސްނައިދިނެވެ. އަބަދުވެސް މަޞްލަޙަތު ނުގެއްލޭނޭ ވިސްނުމަކަށް ޝާއިނާ ބުރަވެހުރުމަކީ އާދައެކެވެ.

* * * * *

ކުލާސް ރޫމު ތެރެއިން ހުރިހާ ކުދީން ކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މޭޒުމަތީ ޝާއިނާގެ ދެއަތް ދަމާލަމުން މޭޒުގައި ބޯޖަހާލައިގެން އޭނާ އިނެވެ. ސިކުނޑީގައިވާ ޚިޔާލުތަކުގެ ސަބަބުން އޭނާގެ ޠަބީޢަތަށް އައިސްގެން އުޅޭ ބަދަލެއް ކަހަލައެވެ.

“ބޮޑުވަރު އިނގޭ އިނާ، އަމިއްލައަށް ޝޮޕިން ކުރާށޭ ކިޔާ، ހުރިހާ އެއްޗެއް ކިޔާދީފަ ހަޅޭލަވާތަ.” ކުރިން ދުވަހު ގޭތެރޭގައި ކަންތައްވީގޮތް ޝާއިނާ ކިޔާދިނުމުން ހަނާ ބުނެލިއެވެ.

“މަ ފަހުން ކަނޑަވިއޭ އެކަމާ، އައި ޑޯންޓް ނޯ… ވަޓްސް ރޯންގް ވިތް މީ؟” ކުރެވުނު ކަންތަކާމެދު ޝާއިނާ ވެސް ނުލާހިކު ބޯސަކަރާތްވިއެވެ.

ޝާއިނާގެ އަތުގައި ހިފައި ދަމަން ފެށުމުން ހަނާގެ އެހީގައި ކަހަލަ ގޮތަކަށް އޭނާ ގޮނޑިން ތެދުވިއެވެ. ދެމީހުން އެކުގައި ކުލާހުން ނުކުތެވެ. އެމީހުން އައީ ކުލާސްރޫމުތަކާއި ދުރުގައި ސަރައްކާލީގައި ހުރި ފެންބޯ ކޫލަރު ކައިރިއަށެވެ.

“އަހަރެންގެ ކުށް… އެކަމަކު… ޝާމާއާ އަހަރެން ވައްތަރުކަމުން، ބައެއްފަހަރު ހިތަށް އަރާ އަހަރެން ނެތްނަމަ ވެސް އެކަކަށް ވެސް އެކަން ފާހަގައެއް ނުވާނޭ” ފެންބޯން ހުރިއިރު ޝާއިނާގެ ޚިޔާލަށް އަރަމުންދިޔައެވެ. އެ ޚިޔާލުތަކުން ނުކުމެވުނީ ހަނާ އޭނާގެ ކޮނޑުގައި ހިފާލައި ގާތްވެލުމުންނެވެ.

“ބައި ދި ވޭ، ރޭގަ ވީ ޑިޑް އިޓް” ޝާމާގެ ކަންފަތް ދޮށުގައި ހަނާ ބުނެލިއެވެ. އިވުނު ވާހަކައިން ޝާއިނާ ކޮށިއެރިއެވެ. އެތަނުގައި ހިނގާބިނގާވެ އުޅޭ ކުދީންނާއި ތަންތަންކޮޅުގައި މަޑުކޮށްލައިގެން ތިބި ކުދީންނަށް ޝާއިނާއަށް ބަލާލެވުނެވެ. އަނގަމަތި ފުހެމުން ހަނާއަށް ބަލާލީ ލޯބޮޑުކޮށްލަމުންނެވެ.

“ތިވާހަކަ ބުނަން އެނގުނީ މިތާތަ؟” ޝާއިނާ ބުނެލިއެވެ. ހާނާ ފެށީ ހޭށެވެ. އޭނާ ޝާއިނާގެ އަތުގައި ހިފައިގެން ކެންޓީނާ ދިމާއަށް ދާން ހިނގައިގަތެވެ.

ކާއެއްޗެހި ނަގައިގެން ދެ ޒުވާނުން އައިސް ކެންޓީނުގެ އެތެރޭ ކަނެއްގައި ހުރި މޭޒު ދޮށުގައި އިށީނެވެ. ހަނާ ދެއްކި ވާހަކައާ މެދު ޝާއިނާ ވާހަކަދައްކަންފެށީ ދެނެވެ.

“އަހަންނަށް ޤަބޫލެއް ވެސް ނުކުރެވުން، އަސްލުވެސް ކުރީތަ؟ ކިހިނެއް؟ ވަރަށް ރެޑީވެގެން ދޯ ދިޔައީ” ހަނާގެ ވާހަކަތަކަށް ޝައުގުވެރިވެފައި އިންވަރުން މޭޒުގައި ދެއަތް އަޅުވާލައި ޝާއިނާ ކުރިއަށް ޖެހިލިއެވެ. ހަނާއަށް ކުރެވިގެން އުޅެނީ މާބޮޑުކަމެއްހެން ހިއެއްނުވެއެވެ. އޭނާ އިނީ ގޮނޑީގައި ނިކަން ހަމަޖެހިލައިގެންނެވެ. އެވާހަކަ ދައްކާކަށް ވެސް އޭނާ ޖެހިލުމެއްނުވެއެވެ. ލަދުގަނެގެން ވެސް ނޫޅެއެވެ. ފަހަރެއްގައި އެ ދެމެދުގައި އޮތް ގާތްކަމުގެ ސަބަބުން އެފަދަ ޖަޒުބާތުތައް މުހިންމުނޫނީ ކަމަށްވެދާނެއެވެ.

“އެހެން ވިސްނާފައެއްނޫން ދިޔައީ، އެކަމަކު ޕްރޮޖެކްޓް ނިންމާފައި… ޒައިދު ބަލަން އިން ގޮތުން ދެން އެކަންވީ، އަހަރެން ވެސް ނޯ އޭ ބުނަން ބޭނުންނުވީ” ހަނާ ކިޔާދިނެވެ.

“އެކަމަކު ތި ދެމީހުން އަދި ޑޭޓް ކުރަން ފެށިތާ މިވީ…” ޝާއިނާ ބުނަން އުޅުނެވެ. އެއަށްވުރެ ކުރިން ހަނާ ވާހަކަދެއްކިއެވެ.

“ވީކެއް!… އެހެންވިޔަސް މިހާރު ދެން ސެކްސް ހެދުނީމަ ހީވަނީ ދިގު މުއްދަތެއްގެ ރިލޭޝަންޝިޕަކަށް މިގުޅުން ވާނެހެން” ހަނާ ބުނެލިއެވެ.

“އަނެއްކާ!… ޔޫ އާ ރިއަލީ ސަމްތިންގް އެލްސް…” ދެފަރާތަށް ބޯހޫރާލައި ޝާއިނާ ބުނެލިއެވެ.

“އޯ! ތިއެއްނޫނޭ، އަހަރެން އަޑުއެހިން ޝާއިނާ ވެސް ވަރަށް ކުރީގައޭ އުޅެނީ” ލާނެތް ހިންޏެއް އައިސްފައި އިނދެ ހަނާ ބުންޏެވެ.

“ވަޓް ދި…” ޝާއިނާ ދިޔައީ ސިހިގެންނެވެ. ޝާއިނާއޭ ކިޔައިގެން ހަނާއަށް އަޑުއިވުނީ އަނެއްކާ ކޮންވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ޒައިދު ބުނި ދުވަހުކުއްޔަށްދޭ ތަނަކުން ޝާއިނާއާއި އާމިލް ނުކުންނަނިކޮށް ދުށީމޯ” ހަނާ ބުންޏެވެ. ޝާއިނާއަށް ލިބުނީ ހައިރާންކަމެވެ. އޭނާއަށް ޤަބޫލެއްނުކުރެވުނެވެ.

“ނުވާނެ އެހެނެއް، އާމިލްމެން ގޭކައިރީ ހުއްޓާ ފެނިދާނެ… ތިބުނާ ކަހަލަ ތަނަކުން ނުފެންނާނެ” ޝާއިނާ ބުންޏެވެ. އާމިލްއާއެކު ހަނާ އެބުނާ ފަދަތަނަކަށް ޝާއިނާ އަދި ނުދެއެވެ. އެހާޔަގީންކަމާއެކު އޭނާ ދެކޮޅު ހެދީ އެހެންވެއެވެ.

“އިޒް ދެޓް ސޯ… އެހެންވިޔަސް ޝާއިނާ ބަލައިގެން އުޅޭތި، އެއްކަލަ ފިރާޒު އެހުންނަނީ ޝާއިނާއޭ ކިޔައިގެން ފަތުރާނޭ ވާހަކައެއް ނުލިބިފަ، އޭނާ އަދިވެސް ޝާއިނާއަށް ފާރަލާ، ޝާއިނާ އުޅޭނޫޅޭ ގޮތް ބަލައޭ ވެސް އަޑުއެހިން” ހަނާ ސީރިއަސްވެލިއެވެ.

“ދެޓް ކްރޭޒީ ޕީސް އޮފް ޝިޓް” ހަނދާންކުރަން ބޭނުންނުވާ މީހެއްގެ މަތިން ހަނދާންކުރަން ޖެހުމުން ވީފޫހިން ޝާއިނާ ބުނެލިއެވެ.

ފިރާޒަކީ މުޅި ކޮލެޖުން ވެސް ޝާއިނާ އެންމެ ފޫހިވާ ފިރިހެނާއެވެ. އޭނާއާ ޝާއިނާ ދިމާވީ ކޮލެޖަށް ވަންތަނާއެވެ. ހުރިހާކަމެއް ފެށުނީ ވަކި މާއްދާއެއް ކިޔެވުމަށް ޝާއިނާގެ ކުލާހަށް އޭނާ އަންނަން ފެށި ދުވަހުން ފެށިގެންނެވެ. އެންމެންނަށް ވެސް “ބޭޑްބޯއީ”ގެ ލަގަބުން އޭނާ މަޝްހޫރެވެ. ޝާއިނާއޭ ކިޔައިގެން ފިރިހެނަކު ވިޔާނުދާ ވާހަކައެއް ދައްކަނިކޮށް ފުރަތަމަ އަޑު އިވުނީ ވެސް ފިރާޒުގެ ފަރާތުންނެވެ. ޝާއިނާގެ ހަށިގަނޑު ހުންނަ ގޮތާމެދު ފިރާޒުގެ ރައްޓެއްސަކާ ވާހަކަދައްކަނިކޮށް ޝާއިނާއަށް އަޑުއިވުނީ ކޮލެޖުގެ ތެރޭގައެވެ. ކުލާހަށް ވަންނަން ޝާއިނާ އައި ވަގުތެއްގައެވެ. ޝާއިނާ ފެނުމުން ފިރާޒުގެ ވާހަކަ ބަދަލުކޮށްލީއެވެ. އޭނާ ދެއްކި ވާހަކަ ޝާއިނާއަށް އިވުނުކަމެއް އޭނާ ނުދެނަހުއްޓެވެ. އެހެންނަމަވެސް ކުލާހަށް ވަންނަން ޝާއިނާއާ އެއްވަރަށް އައިއިރު އޭނާ ޝާއިނާގެ ހެދުމަށާއި މޭމައްޗަށް ނުބައި ނިޔަތެއްގައި ބަލާކަން ފާހަގަވިއެވެ. ޚާއްޞަކޮށް ޝާއިނާގެ ކަރުވަޅަށެވެ. އެކަން އެނގިގެން އަތުގައި އޮތް ފޮތުން ނިވާކޮށްލުމުން ފިރާޒު ފާހަގަކުރީ އެހެން ދުވަސް ދުވަހާ ޚިލާފަށް އެ ދުވަހު ޝާއިނާގެ މޭމަތިން ހެދުން ހުރީ ބާރުވެލާފައިކަމެވެ. އެކަހަލަ އެއްޗެއް ބުނަން އޭނާއަށް ކެރުނީތީ ވެސް ޝާއިނާ ހުރީ އަޖައިބުވެފައެވެ. ލަދުވެސް ގަނެފައެވެ. އޭރު ފިރާޒަކީ ކޮންކަހަލަ ޒުވާނެއްކަމެއް ޝާއިނާއަކަށް ނޭނގެއެވެ. އޭނާ ކުލާހުގެ އެހެން ކުދީންނާ ވެސް ރަޙުމަތްތެރިކަން ބާއްވައެވެ. ފެންނަފެނުމަށް މީހުންނާ ނުހަނު ގުޅޭ ޒުވާނެކެވެ. އެހެންނަމަވެސް އޭނާގެ އަޑިނުބައެވެ.

އެފަދަ އެހެން ދުވަހެކެވެ. އެންމެން ތިބީ ކެންޓީނުގައެވެ. ފިރާޒު ވެސް އައިސް އިނީ ޝާއިނާ އިން މޭޒު ދޮށުގައެވެ. ފިރާޒު ދެއްކީ އާ ލެކްޗަރާއެއް އަންނަން އުޅޭ ވާހަކައެކެވެ. އެހެން ލެކްޗަރާސްއިންނަށްވުރެ ޒުވާން ފިރިހެނެއްކަން އޭނާ ފާހަގަކުރިއެވެ. އަންހެން ކުދީންތައް މޮޔަވެގެން އުޅޭނެއޭ އޭނާ ބުންޏެވެ. އެއާއެކު ދެން ބަލާލީ ޝާއިނާއަށެވެ. ޝާއިނާއަށް ވެސް ވަރަށް ކަމުދާނެ ދޯއޭ އޭނާ އެއްސެވެ. ޝާއިނާ އެއްޗެކޭ ނުބުނުމުން އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ޝާއިނާގެ ކައިރިއަށް ޖެހިލައި އޭނާގެ ކަކުލުން ޝާއިނާގެ ފައިގާ ޖައްސާލިއެވެ.

“އަންހެންކުދީންނަށް ކަމުދާނީ އެމީހުންނަށްވުރެ ދޮށީ ފިރިހެނުން، އެކްސްޕީރިއެންސްޑް މީހުން… ޝާއިނާ ވެސް ހީވަނީ ވަރަށް އެކްސްޕީރިއެންސް ހެން އެ ދާއިރާގަ” ފިރާޒު ބުނެލިއެވެ. ވަގުތުން ޝާއިނާގެ ބަސް ހުއްޓުނީއެވެ. ފިރާޒުގެ ބޭނުމަކީ ކޮބާކަން އެނގޭކަށް ވެސް ބޭނުމެއްނުވިއެވެ. ދެއްކި ވިޔާނުދާ ވާހަކައިން ޝާއިނާއަށް ރުޅި އާދެވުނެވެ. ހިފަހައްޓާލައިގެން އިން ފެންތަށި ފިރާޒުގެ މޫނަށް ޝާއިނާ ޖެހީއެވެ.

“ވަޓް!… ވަޓް އިޒް ދިސް؟…” ފިރާޒު ހައިރާންކަމާއެކު ބަލަން ފެށިއެވެ. ވަށައިގެން ތިބި އެންމެން ވެސް އެ ދެމީހުންނަށް ބަލަން ފެށިއެވެ. އެތަނުން މޭޒެއްގެ ދޮށުގައި އެމީހުންގެ ވާހަކަ އަޑުއިވޭހާ ކައިރީ އިން ޒުވާނަކު ތެދުވިތަން ފެނުނެވެ. އޭނާ އައިގޮތަށް އައިސް މޭޒުމަތީ ހުރި ފެންފުޅި ނަގައި ފުޅީގައި ބާކީ ހުރި ފެން ފިރާޒުގެ ބޮލަށް އޮއްސާލައިފިއެވެ. ފިރާޒު ގޮނޑިން ތެދުވީ ދެނެވެ.

“މިތަނުގައި ވިކްޓިމްއަކީ ކަލެއެއްނޫން، އެހެންވީމަ އިނޮސެންޓްވާން ނޫޅޭ” އެ ޒުވާނާ ބުންޏެވެ. އެހިނދު ފިރާޒު އޭނާގެ ގަޔަށް އަރައިގަންނަން އުޅުނެވެ. އޭނާގެ ރަޙުމަތްތެރިން ނުހިފެއްޓިނަމަ އޭނާ އެ ޒުވާނާގެ ގަޔަށް ބޮލަށް އެރީހެވެ. ޝާއިނާ އަނގައިން ނުބުނެވިފައި ހުއްޓާ އޭނާގެ އަތުގައި ހިފައިގެން އެ ޒުވާނާ ހިނގައިގަނެއްޖެއެވެ. އޭރު ޝާއިނާ ވެސް ހުރީ އެންމެންގެ ލޯތަކުން ސަލާމަތްވާން ބޭނުންވެފައެވެ. ޢަމަލުކުރެވުނީ ވިސްނާނުލައިކަން އެނގުނީ ކަންވެ ނިމުނުފަހުންނެވެ.

ކުލާސް ރޫމުތައް ހުންނަ ސަރައްކާލިއަށް އާދެވުމުން އެ ޒުވާނާ މަޑުކޮށް ޝާއިނާގެ އަތުން ދޫކޮށްލިއެވެ. އޭނާއަށް ކިޔަނީ އާމިލް ކަމާއި އެއީ އޭނާގެ ފަހު ސެމެސްޓަރކަން ފާހަގަކުރިއެވެ. ފިރާޒު އެހެންމީހެއް ކައިރީ ޝާއިނާ ފެނިގެން ވާހަކަދައްކަނިކޮށް އާމިލްއަށް އަޑުއިވުނުކަން އޭނާ ކިޔާދިނީ ދެނެވެ. ފިރާޒުއާ ވީހާ ވެސް ދުރުން އުޅެން އާމިލް ބުންޏެވެ.

ޝާއިނާއާއި އާމިލްގެ ދެމެދުގައި އެކުވެރިކަން އުފެދެން މެދުވެރީ އެ ހާދިސާއަށް ފަހުއެވެ. ދެމީހުން ކުޑަ ދުވަސްކޮޅަކު ކޮލެޖުން ބައްދަލުވިއެވެ. ގުޅުން އިތުރަށް ބަދަހިވީ ފޯނުންނެވެ. ޝާއިނާއާ ރައްޓެހިވާން އާމިލް އެހިއިރު އޭނާއަށް ވެސް އާމިލް ކަމުގޮސްފިއެވެ. އޭނާ ރައްޓެހިވާން އެހި ދުވަހު ހިތެއް އެލުވާފައި އޮތް ކެވެލި ކޮޅެއް ޝާއިނާގެ އަތުގައި އަޅުވައި ދިނެވެ.

ފިރާޒުގެ ވާހަކަ ހަނާ ބުނުމުން މާޒީގެ އެ ޚިޔާލުތަކަށް ގެއްލިފައި އިނދެފައި ޝާއިނާއަށް އަތަށް ބަލާލެވުނެވެ. އާމިލް ދިން ކެވެލިކޮޅު ނާޅާކަން ޝާއިނާއަށް މިއަދު ވެސް އާދެވުނީ ހިތަށް އެރިއެވެ. އެވަގުތު ހަނާ ގޮވާލައިފިއެވެ.

“ކޮން ދުނިޔެއެއްގަތަ؟ ފިރާޒޭ ބުނީ ޝާއިނާ ބިރުގަންނަވާކަށްނޫނޭ، އައި އޭމް ޓެލިން ޔޫ ޓު ބީ ކެއާފުލް” ހަނާ ސީރިއަސްކަމާއެކު ބުނެލިއެވެ.

“ތޭންކްސް” މާބޮޑު ކަމެއްކަމަށް ނުހަދާ ޝާއިނާ ހިނިތުންވެލީއެވެ.

“އިފް ޔޫ އާ ރިއަލީ ތޭންކްފުލް، ޔޫ ވިލް ސްޓާޓް ބީއިންގް މޯ ކެއާފުލް. ސޯ، ދެޓް ލުނެޓިކް ވޯންޓް އެންޑްއަޕް ސްޓޯކިންގް ޔޫ” ކޯކުތަށީގެ ހޮޅި އަނގަޔަށް ލަމުން ހަނާ ބުނެލިއެވެ.

“އާމިލްއާއެކު އުޅޭތީ ފަހަރެއްގައި އޭނާ ދުރުގައި ހުރެދާނެ، ބައެއްފަހަރު ބޯއީފްރެންޑެއް ހުރުމަކީ ވެސް ނަސީބެއް” ހަނާ އިތުރުކޮށްލިއެވެ.

އެދުވަހު ގެއަށް އައި މަގުމަތީ ޝާއިނާއަށް ފިރާޒާ މެދު ވިސްނުނެވެ. ފިރާޒާ ބައްދަލުވިތާ އަހަރެއްހާ ތެރޭ ހީނުކުރާ ފަދަ އެތައްކަމެއް ހިނގައިފައިވާތީއެވެ. އާމިލްއާ މެދު ވިސްނާލާފައި ޝާއިނާ ހިތްހަމަޖައްސާލަން މަސައްކަތް ކުރި ނަމަވެސް އެހެނެއްނުވިއެވެ. އަތްކުރިއަށް ބަލާލެވުމާއެކު މާދަމާ އާމިލް ދިން ކެވެލި ކޮޅު އަޅަން ޝާއިނާ ނިންމިއެވެ.

ގެއަށް އައިސް ޝާއިނާގެ ކޮޓަރިއަށް ވަދެވުމާއެކު ކިޔަވާ މޭޒު ކައިރީ ހުރި ގޮނޑީގައި ދަބަސް ބެހެއްޓިއެވެ. އަތުގައި ހުރި ފޮތްތައް މޭޒުމަތީގައެވެ. އެއަށްފަހު ރީތިވާ މޭޒުކައިރިއަށް ޝާއިނާ ޖެހިލިއެވެ. ގަހަނާތައް އަޅާފައި ހުރި ފޮށި ހުޅުވާލީ އާމިލް ދިން ކެވެލިކޮޅު ހޯދާށެވެ. އެކަމަކު ފޮށީގައި ހުރި ގަހަނާތަކުން މަދީ ހަމައެކަނި އެކެވެލިކޮޅު އެކަންޏެވެ.

“ކޮންތާކަށްބާ ލެވުނީ؟… އަހަރެން ހަނދާން އެބަހުރި މިފޮށްޓަށް ލީންކަން، ދެޓްސް ވިއާޑް، ދެން ކީއްވެބާ ނެތީ؟” ޝާއިނާ ތިންފަހަރަށް ގަހަނާތައް ނަގައި ތަރުތީބުކުރިއެވެ. އެންމެފަހުން ކޮޓަރިން ނުކުމެގެން ބަދިގެއަށް އައީ މަންމަ އެތަނުގައި ހުރީމައެވެ.

“މަންމާ! ދުށިންތަ އަހަރެންގެ އަތުގައި އަޅަން ގެންގުޅޭ ރަންކުލައިގެ ކެވެލިކޮޅު، ކުޑަކުޑަ އެލިފައި އިންނަ ހިތެއް ލާފަ.” މަންމަ ގާތު ޝާއިނާ އަހާލިއެވެ.

“ޝާއިނާ އަތުގައި ބައިވެރި ކެވެލިތައް އޮވޭ، މަންމައަށް ކިހިނެއް އެނގޭނީ… ޝާއިނާއަށް ފޮރުވުނީ ކަމަށް ތިވާނީ. ދޭބަލަ އަދި ބަލާލަން.” މަންމަ ބުންޏެވެ.

“އާން! އަހަރެން އޭތި ފޮރުވާފައި ބޭއްވީ.” ޝާއިނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ފޮރުވީ ކޮންތާކުކަން ވެސް އޭނާ ވަރަށް ބޮޑަށް ހަނދާން އެބަހުއްޓެވެ. އެކަމަކު އެތަނަކުން އޭނާއަކަށް އެ ކެވެލިކޮޅެއް ނުފެނުނެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *