DHEBEENUN [EP-01]

އެކަކަށް ވެސް އޭނާގެ އަމިއްލަ ވުޖޫދު ސާބިތުކުރެވިދާނެ ހެއްޔެވެ. އޭނާ ވާކަމުގެ ހެކި އޭނާ ދައްކާނީ ކިހިނެއް ހެއްޔެވެ. އޭނާއަކީ އޭނާކަން ޔަގީންކުރާނީ ކިހިނެއް ހެއްޔެވެ. އޭނާ، އޭނާގެ ގޮތުގައި ބަލައިގަނެވޭނީ ކާކަށް ހެއްޔެވެ. އޭނާގެ ދިރުއުޅުމުގައި މިހާތަނަށް ހީނުކުރާ އެތައް ކަމެއް ހިނގައިފި އެވެ. ދިރިއުޅުމުގައި އާދެވިފައި އެވަނީ އެ ހުރިހާ ސުވާލަކަށް ޖަވާބުދޭން އުނދަގޫ ހިސާބަކަށެވެ. އެހެންވިޔަސް އެ ދިރިއުޅުން ހުއްޓުމަކަށް ނާދެއެވެ. ކުރިމަތިލާންޖެހުނު ހުރިހާ ކަމަކަށްފަހު ވެސް އޭނާ ދިރި އެބަހުއްޓެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

އެއީ މީގެ އެއް އަހަރު ކުރި އެވެ. ހުރިހާކަމެއް ފެށުނު ހިސާބެވެ. އޭނާއަކީ އުމުރުން ތޭވީސް އަހަރުގެ އަންހެން ކުއްޖެކެވެ. “ނިއުކްލިއާ ފެމެލީ” އެއްގެ ނިބޫ ދެބެންގެ ތެރެއިން ދޮށީ ކުއްޖާ އެވެ. އޭނާގެ ނަމަކީ ޝާއިނާއެވެ. މާނައަކީ ރީތި ކަމެވެ. ކޮއްކޮއަށް ކިޔަނީ ޝާމާ އެވެ. މާނައަކީ ކަޅުތިލަ އެވެ. އެ ދެބެންގެ ސިފަ އެއްގޮތެވެ. ހަށިގަނޑާއި ރޫފަ ވެސް އެއްވަރެވެ. ދެބެން ވަކިކުރަން މަންމައާއި ބައްޕައަށް އެނގެނީ ކަޅުތިލައަކުންނެވެ. ޝާމާގެ ވައަތު ލޮލުގެ ތިރީގަ ކޯތާފަތަށްވުރެ މައްޗަށް ވާހެން ހުންނަ ކަޅުތިލައިންނެވެ. މަންމަމެން ޝާމާއަށް އެ ނަން ކީ އެހެންވެހެން ޔަގީންކުރެވެއެވެ. ދެބެންގެ ސިފަ ކިތަންމެ އެއްގޮތް ވިޔަސް މިޒާޖު އެއްގޮތެއް ނުވިއެވެ.

ޝާއިނާގެ މަންމައަކީ މާލޭ މީހެކެވެ. މަންމަ ފަރާތު ކާފަ މާލޭ މީހަކަށްވާތީއެވެ. ބައްޕައަކީ ގދ. އަތޮޅަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް މާލޭ ދަފްތަރުގައި ޖެހި މިހާރު ކިޔާ ގޮތުންނަމަ މާލޭ މީހެކެވެ. އެމީހުން ދިރިއުޅެނީ ބައްޕައަށް ވިލިމާލެއިން ލިބިފައިވާ ގެއެއްގައެވެ. މަންމައާއި ބައްޕަ ފިޔަވައި އޭނާގެ ޢާއިލާއަކީ އެއްބަނޑުއެއްބަފާ ކޮއްކޮ ޝާމާ އެވެ. ޢާއިލާގައި ތިމާގެ މީހުން ތިބޭކަން އެނގުނަސް މަންމައާއި ބައްޕަ ދިރިއުޅެނީ ވަކިންނެވެ. ދެފަރާތުގެ މާމައާއި ކާފަގެ ދިރިއުޅުން ހުރި ގޮތް ޝާއިނާއަށް އެނގޭވަރު ނުވަނީސް އެމީހުން ދުނިޔެ ދޫކޮށްފިއެވެ. ހީވާގޮތުން ތިމާގެ މީހުންނާ ގުޅުން ބާއްވަން ބޭނުންނުވާ މީހަކީ މަންމައެވެ. ފަހަރެއްގައި މަންމަ އުޅެ ބޮޑުވީ އެފަދަ މާޙައުލެއްގައި ކަމަށްވެދާނެއެވެ. މަންމައާއި ބައްޕަގެ ހުރިހާ ވެސް ބަޔަކީ އެ ނިބޫ އަންހެން ދެބެންނެވެ.

މަންމައާއި ބައްޕައަކީ ވެސް ވަޒީފާ އަދާކުރާ ދެ މީހުންނެވެ. އެހެންވެ އެމީހުން ގޭގައި އުޅޭ ވަގުތު މަދެއެވެ. ނަމަވެސް ދަރީންނަށް ވީވަރަކުން ވަގުތުދެއެވެ. ދަރީންނަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެއެވެ. ޝާއިނާއާއި ކޮއްކޮ ޝާމާ ބޮޑުވަމުން އައިއިރު އެކަނި ކަންކަން ކުރަން އެހެން ކުދީންނަށްވުރެ ކުރީން ދަސްކުރަން ޖެހުނެވެ. އަމިއްލައަށް ޒިންމާތައް އުފުލަން އެކަމުގެ ސަބަބުން ދަސްވިއެވެ.

ސުކޫލު ދައުރު ނިމުމުން “ޕާޓް-ޓައިމް” ގޮތުގައި ޝާއިނާ ވަޒީފާ އަދާކުރަން ފެށީ ޓިއުޝަން ސެންޓަރެއްގަ އެވެ. ހެނދުނު އަށްގަޑި ފަނަރައިން އެތަނުގެ ގަޑިތައް ފެށޭނެއެވެ. ނިމޭނީ މެންދުރު އެވެ. މައިންބަފައިން އޭނާގެ މުހުތާދުތައް ފުރިހަމަކޮށްދިނަސް އަމިއްލައަށް މަސައްކަތް ކުރަން ފެށުމުން ފައިސާގެ އަގު ވަޒަން ކުރެވުނެވެ.

ﷲ އިރާދަފުޅާއެކު ޝާއިނާއަކީ ޢިލްމު އުނގެނަން ވަރަށް ފަސޭހަ ކުއްޖެކެވެ. ހަނދާން ގަދަ ހިތްއަލި ކުއްޖަކެވެ. އެހެންވެ ތަޢުލީމީ ދައުރު ފުރިހަމަކުރަމުން އައީ ނުހަނު ފަސޭހަކަމާއެކުއެވެ. އިމްތިހާންތަކުން ރަނގަޅު ދަރަޖައެއްގަ އައީ ފާސްވަމުންނެވެ. ޝާއިނާގެ މައިން ބަފައިން ވެސް އެކަން ފާހަގަކުރެއެވެ. އެމީހުންގެ އެ ދަރިފުޅަކީ “މޮޅު” ދަރިވަރަކަށްވާތީ އެކަމާ ފަޚުރުވެރިވާކަން އެނގެއެވެ. ސުކޫލު ނިމުނަސް ޝާއިނާ ކިޔެވުން ހުއްޓައެއްނުލައެވެ. އަމިއްލަ ފަރާތަކުން ހިންގާ ކޮލެޖެއްގަ ޝާއިނާ އައީ ޑިގުރީގެ އެންމެ ފަހު އަހަރު ކިޔަވަމުންނެވެ. ކިޔަވަން ދަނީ ހަވީރުއެވެ. ރޭގަނޑު ނުވައެއް ޖަހަންވާއިރަށް ކުލާސްތައް ނިމޭނެއެވެ. ގިނަ ދުވަސްދުވަހު ކުލާސްތައް ފެށުމުގެ ކުރީން އެކުވެރީންނާއެކު ކޮލެޖުގެ ކެންޓީނު ބެންޗުތަކުގައި މަޖާ ވާހަކަދައްކަން ތިބެއެވެ. ޖިއާންއާއި ހަނާއަކީ ހުރިހާ ރަޚުމަތްތެރީންގެ ތެރެއިން ވެސް ޝާއިނާއާ ގާތް ދެ މީހުންނެވެ. ޚާއްޞަކޮށް ހަނާއެވެ. ޝާއިނާގެ ހުރިހާ ވާހަކައެއް ކަހަލަ ގޮތަކަށް އެބަޔަކާ ޚިއްޞާކުރާ ދެ މީހުންނެވެ.

އާމިލްއަކީ ޝާއިނާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އޭނާއަށްވުރެ އާމިލް ދެ އަހަރު ދޮށްޓެވެ. އޭނާއަކީ އައި.ޓީ ދާއިރާއިން ކިޔަވައިގެން ހުރި އެކަމާ ގުޅުން ހުރި ވަޒީފާއެއް އަދާ ކުރާ ޒުވާނެކެވެ. އޭނާ ދިރިއުޅެނީ އޭނާގެ ބައްޕަ ގާތުގައެވެ. އޭނާގެ އުމުރުން ވަރަށް ހަގުއިރު މަންމަ ވަނީ ނިޔާވެފައި ކަމަށް އާމިލް އޮތީ ބުނެފައެވެ. މަންމައާ ބެހޭ ގޮތުން ޝާއިނާއާ އާމިލް ޚިއްޞާކުރީ އެވަރެވެ. އެގެއަށް އާމިލްއާއެކު ޝާއިނާ ގޮސް ހަދަން ފެށީ އާމިލްގެ ދައުވަތަށެވެ. ދަނީ އާމިލްގެ ބައްޕަ ނޫޅޭ ވަގުތުތަކުގައެވެ. އެ ގުޅުމުގެ ޚަބަރު އެނގޭ ހަމައެކަނި ބަޔަކީ އެކުވެރިންނެވެ. ދެން ޝާއިނާގެ ކޮއްކޮ ޝާމާއެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭން ޝާއިނާ މަސައްކަތްކުރީ ބޭރުތެރޭގައި އާމިލްއާއެކު އަބަދު އުޅުމަށްވުރެ އެ ގޭގައި އޭނާއާއެކު މަޑުކޮށްލުން ރަނގަޅުވާނޭ ކަމުގައި ފެންނާތީއެވެ. މީހަކަށް ފެނުމުގެ ފުރުޞަތު ވެސް ކުޑަވާނީ އޭރުންކަމެވެ. ނަމަވެސް އެއީ ޒުވާންކަމުގެ ޖޯޝާއި އަނދިރިކަން އެކުލެވިގެންވި އިޙްސާސްތަކެއް އުފަންވާން މެދުވެރި ސަބަބެވެ. ދެ މީހުންނަށް ފާރަވެރިވާނޭ މީހަކު ނެތުމުން އާމިލްގެ ބައެއް އިސްނެގުންތަކަށް ޝާއިނާއަށް ދެކޮޅު ނުހެދުނީއެވެ. އެ ދެމެދުގައި ކުރިން އޮތް ގުޅުމަށްވުރެ ގާތް ގުޅުމެއް އުފެދެން މެދުވެރީ ސަބަބަކީ އެ އެކަހެރިވުން ވިއެވެ.

ޝާއިނާގެ ހަޔާތް ވަރަށް އުފާވެރި އެވެ. ހަމަޖެހޭ ދިރިއުޅެމެކެވެ. އޭނާއަކީ މީހުން ބުނާ ފަދަ “ޑައުން ޓު އާތް” މީހަކަށްވާތީ އެއްވެސް މީހަކާ މައްސަލައެއް ނުޖެހެއެވެ. ހުރިހާކަމެއް ދިޔައީ އަމާންކަމާއި އޮމާންކަމާއެކު ލުއި ފަސޭހަ ކޮށެވެ. ނަމަވެސް… އޭނާގެ މި އަމާން ދިރިއުޅުން ބަދަލުވާން އުޅޭކަމުގެ އިޙްސާސް ކުރެވެންފެށިއެވެ.

އެ ދުވަހަކީ ވެސް ޝާއިނާގެ ދިރިއުޅުމުން އާދައިގެ ދުވަހެކެވެ. ހަވީރު ކޮލެޖަށް ދިޔައީ އާމިލްގެ ސައިކަލު ފަހަތުގައެވެ. ކޮލެޖުގެ މައި ދޮރުން އެތެރެއަށް ވަދެގެން އައިއިރު ކެންޓީނުގެ ބެންޗުތަކުން ބެންޗެއްގައި ޖިއާނާއި ހަނާ ތިއްބާ ފެނުނެވެ. ޝާއިނާ އައިސް އެ ދެ މީހުންނާ ކުރިމަތިވާނޭހެން އިށީނީ އެވެ.

“އަމްމުއާ ފައިޓެއް ހިންގާލީތަ؟” ޝާއިނާގެ މޫނަށް ބަލާލަމުން ހަނާ އަހާލިއެވެ.

“އާމިލްކަމެއް ނުކުރޭ…” ހަނާގެ އަތުގައި އޮތް، އޭނާ ކާން ގެންގުޅުނު ކިއްލި ޕެކެޓު ނަގައި ޝާއިނާ ވެސް ދުފާލިއެވެ. ދެ އެކުވެރީންނާ ކުރިމަތިވާނޭހެން ޝާއިނާ ވެސް ބެންޗުގައި އިށީނދެއްޖެއެވެ.

“ދެން ކާކު ކީއްކުރީ؟” ހަނާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

“އިނާގެ މޫޑު ރަނގަޅެއްނޫން، ކޮންމެވެސް ކަމެއް ވެއްޖެ” ޖިއާން އިނދެފައި ބުންޏެވެ. އެކުވެރީންގެ މެދުގައި ޝާއިނާގެ ނަން ކުރުކޮށްލައި އެމީހުން ކިޔާ އުޅެނީ އިނާއެވެ. އެ ނަމަށް ޝާއިނާ ވަނީ ހޭނިފައެވެ. ޖިއާން އިނީ ކެންޓީނުން ކޮފީއެއް ގެނެސްގެން އެ ބޯށެވެ. އެ އެކުވެރީން ގާތު ފުރަތަމަ ފަހަރަށް ޝާއިނާ ކަންބޮޑުވާކަމެއްގެ ވާހަކަ ދައްކަން ހިތަށް އެރީ އެ ދުވަހު އެވެ. އެ ވާހަކަ ދައްކާނޭ ގޮތަކާމެދު ވިސްނަން އިންދާ ޖިއާން ވާހަކަދެއްކިއެވެ.

“ކޮބާތަ ޔޫގެ ކޮއްކޮ… ގާލް ވިތް ދި ބިއުޓީ ސްޕޮޓް…” ޖިއާން ބުންޏެވެ.

“ކިހިނެއްވީ؟… އޭނަ ސެޓުކުރަންވީތަ؟ ނުވާނެ ތިކަމެއް… ދޯ އިނާ” ހަނާ ދިމާކޮށްލިއެވެ. އެމީހުންގެ އެ ސަމާސާގައި ބައިވެރިވާން ޝާއިނާއަށް އުނދަގޫ ވިއެވެ.

“އޭތް!… އަނެއްކާ ޝާމާއަށް ކަމެއްވީތަ؟ މަންމަމެން ރުޅިގަދަވީތަ؟” ޝާއިނާގެ ހަމަހިމޭންކަން ހަނާއަށް އެއްޗެއް ބުނެދިނީ ކަންނޭނގެއެވެ. ޝާއިނާ އިސްއުފުލާލުމާއެކު ހަނާއަށް ބަލާލީއެވެ. ޖިއާންއަށާ ދެ މީހުންނަށް ނަޒަރު ހިންގާލިއެވެ.

“ޑޯންޓް ލާފް އިނގޭ” ހިތުގައި އޮތް އެއްޗެއް އެކުވެރީންނާ ޚިއްޞާކުރުމުގެ ކުރީން ޝާއިނާ ބުނެލިއެވެ. ޝާއިނާއަށް ވެސް ބުނެވެން މިއުޅެނީ އެހާ ހަމަޖެހޭ ވާހަކައެއްހެން ހީނުވާތީ އެކަމާ ދިމާކޮށްފާނޭ ހީވެ ކުރީބައިގަ އެކުވެރީންނަށް ޝަރުތުކުރީއެވެ.

“އޯކޭ…” ހަނާ އެއްބަސްވެލިއެވެ.

“އައި ކާންޓް ޕްރޮމިސް” ޖިއާން ހިނިއައިސްފަ އިނދެ ބުންޏެވެ. ޝާއިނާއަށް އޭނާއާ ދިމާއަށް ތުންއޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ޝާއިނާގެ އަތުގައި ހަނާ ކޮއްޓާލުމުން އަނެއްކާ ވެސް ދައްކަން އުޅޭ ވާހަކައާ މެދު ސަމާލުވިއެވެ.

“އެކްޗުއަލީ…” ޝާއިނާ ކިޔައިދޭން ފެށިއެވެ.

ޝާއިނާއާއި ޝާމާއަށް ގޭގައި ވަކިން ކޮޓަރި ހުރެއެވެ. އެހެންވިޔަސް މިފަހަކަށް އައިސް ޝާމާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެކަން ޝާއިނާއަށް ފާހަގަވަނީ އެވެ. އެއް ދުވަހަކު ޝާއިނާއަށް ވަރަށް ރީތިވެގެން ގަތް ނޫޑް ލިޕްސްޓިކެއް ބޭނުން ވެސް ނުކެރިވެގެން އުޅެނިކޮށް ވީނުވީ އެއް ނޭނގި ގެއްލުނީއެވެ. އޭގެ އަނެއް ދުވަހު ޝާއިނާގެ ކޮޓަރިއަށް ޝާމާ ވަދެގެން އައިސް ދެއްކީ އޭނާގެ ތުންފަތުގައި ޖައްސާފައި ހުރި ކުލައެވެ. އެކުލަ އޭނާއާ ކިހާ ގުޅޭކަން ހާމަކުރިއެވެ. އެއީ ޝާއިނާ ގަތް ލިޕްސްޓިކުގެ ކުލަކަން ޔަގީންވާތީ ޝާމާއާ ސުވާލުކުރިއެވެ. އެ ކޮއްކޮ ބުނީ ޝާއިނާގެ މޭކަޕް ސާމާނުގެ ތެރެއިން ފެނުނީނަމަ “ބޮރޯ” ކޮށްލީ ކަމަށެވެ. އެ ފަހަރު އެކަން ޝާއިނާއަށް ބޮޑު ކަމަކަށް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ޝާއިނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އޭނާ ޝާއިނާގެ އެއްޗެއް ބޭނުންކޮށްގެން ރުޅި އަންނަން ޖެހޭނެ ކަމަށް ޝާއިނާ ޤަބޫލެއްނުކުރެއެވެ. އެ ލިޕްސްޓިކު ކޮއްކޮއަށް ދިނީ އެހެންވެއެވެ. އޭނާއަށް މާ ބޮޑަށް އެ ކަމުގޮސްފިކަން އެނގިގެންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޝާއިނާ ހަވީރު ކުލާހަށް ދާން ތައްޔާރުވާން ހުއްޓާ ޝާމާ އައިސް އެ ކޮޓަރިއަށް ވަނެވެ.  ރީތިވާ މޭޒުގެ ލޯގަނޑުން ޝާމާގެ ސޫރަ ޝާއިނާއަށް ފެނުމާއެކު އެނބުރިލީ ކުއްލިއަކަށެވެ. ލާފައި ހުރި ހެނދުން ދައްކާލަމުން އޭނާ އޮންލައިންކޮށް ގަތް ހެދުމެއް ކަމާއި މިއަދުކަން ލިބުނީ ބުނެލިއެވެ. އަދި އުނަގަނޑުގައި އެއްއަތް ވިދެލާ މޮޑެލްކުރާހެން ހުއްޓިލުމަށްފަހު ރީތިތޯ އަހާލިއެވެ. ޝާއިނާއަށް ބުނާނޭ އެއްޗެއް ނޭނގުނީ އެވެ. އޭނާއަށް ފާހަގަވީ ކޮއްކޮ ލައިގެން ހުރި ހެދުމެއް ނޫނެވެ. ކޮއްކޮގެ އިސްތަށިގަނޑެވެ. ޝާއިނާގެ ކުރިމަތީ ހުރި ޝާމާގެ ފަން ދިގު އިސްތަށިގަނޑު އޮތީ ކޮށާލާފައެވެ. ޝާއިނާގެ އިސްތަށިގަނޑު ކޮށާފައި ހުންނަ ގޮތަށް ހަމަ އެ ސްޓައިލަށް ލޭޔާސްކޮށް ކޮށާލުމާއެކު އިސްތަށިގަނޑުގެ ބޮޑުބައިގަ ޗޮކުލެޓު ކުލައާއި އިސްތަށިތަކުގެ ކޮޅަށް ކެރެމެލް ކުލަ އަރާހެން ކުލަ ޖައްސާފައެވެ. ހީވީ ކުރިމަތީގައި ހުރި ލޯގަނޑަކުން ޝާއިނާއަށް އޭނާގެ އަމިއްލަ ސޫރަ ފެނުނު ހެންނެވެ. އެވަގުތަށް ލަފުޒުތަކެއް އޭނާގެ ދުލާ ހަމައަކަށް ނައެވެ. އެހެންވެ އެކަން ފޫބައްދާލުމަށް މާނައެއްނުވާ ލުއި ހިނިތުންވުމެއް ކޮއްކޮއަށް ދިނީއެވެ. އޭނާ އައިސް ޝާއިނާގެ ފުރަގަހުން ހުއްޓި ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަ ސިފަ ބަލާލިއެވެ. އަދި ފަރި ގޮތަކަށް ދެ ފަރާތަށް އެނބުރިލައި އިސްތަށިގަނޑުން ބައެއް ކުރިމައްޗަށް ގެނައެވެ.

“ކޮންއިރަކު ބޯކޮށީ…” ފަރިބަލަން ހުރި ކޮއްކޮގެ ގާތު ޝާއިނާ އަހާލީއެވެ.

“އޯ!… ދިސް!… އަހަންނަށް ދޮންތީގެ ހެއާ ސްޓައިލް ވަރަށް ކަމުދޭ، އެހެންވެ ހިތަށް އެރީ ކޮލެޖަށް ދާންވާއިރަށް ބަދަލުކޮށްލަން، ފައިނަލީ އައި އޭމް އޭބަލް ޓު ޖޮއިން ޔޫ” އިހުނަށްވުރެ ބޮޑަށް ޝާމާގެ ހިނިތުންވުން ފުޅާވެލިއެވެ. އޭނާގެ އެ އުފާވެރިކަން ގެއްލޭ ފަދަ އެއްޗެއް ބުނެވިދާނެތީ ޝާއިނާ ހުރީ ވިސްނައިގެންނެވެ.

“އިޓް ސޫޓްސް ޔޫ…” އެންމެފަހުން ބުނާނޭ އެއްޗެއް ނޭނގިގެން ޝާއިނާ ބުނެލިއެވެ.

“ޔާ!… ތޭންކްސް ސިސް” ޝާމާ މިހެންބުނެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.

މިވާހަކަތައް އަޑުއަހަން ޖިއާންއާއި ހަނާ ތިބީ ފަރުވާތެރިކަމާއެކުއެވެ. އެމީހުންގެ މޫނުމަތިން މާބޮޑު އަސަރެއް ފާޅެއްނުވެއެވެ. ޝާއިނާއަށް މިކުރެވޭ އުނދަގޫ އިޙްސާސްތައް އެމީހުންނަށް ނުވިސްނޭކަން އެނގެނީ އެހެންވެއެވެ.

“އިނާއަށް އެނގޭތަ، މަގުމަތީ ނުކުމެ މަޑުކޮށްލައިފިއްޔާ ކޮންމެ ދިހަ އަންހެންކުއްޖަކުން ފަސް ކުދީން ތި ހެއާ ސްޓައިލް ގެންގުޅޭތަން ފެންނާނެ” ހަނާ ބުންޏެވެ.

“ރިއަލީ…” ޝާއިނާއަށް ބުނެލެވުނެވެ.

“ގިނަ ފަހަރަށް ބިގް ސިސްޓާ އުޅޭގޮތް އަންހެން ކޮއްކޮމެން ކޮޕީކުރޭ، އެއީ އެއްޗެއް ހީކުރާވަރު ކަމެއްނޫން” ޖިއާން ބުންޏެވެ.

“އެހެންކަންނޭނގެ އެވަނީ، މޭބީ އައި އޭމް އޯވާތިންކިންގް ތިންގްސް” ޝާއިނާ ބުންޏެވެ. ފަހަރެއްގައި ޖިއާންއާއި ހަނާ ބުނާހެން ޝާއިނާއަށް ހީވާ ހީވުންތަކަކީ ކުށްހީއަކަށް ވެދާނެއެވެ. ޝާމާއާއި ޝާއިނާ އެއްސިފައެއްގައި ތިއްބަސް އެއީ މުޅިން ދެ މީހެކެވެ. ދެ ޒުވާނުންގެ “ޕާސަނަލްޓީ” ވެސް ތަފާތެވެ. އެހެންނަމަވެސް ސިކުނޑިން އެ ޚިޔާލުތައް ޝާއިނާއަށް ނެރިއެއް ނުލެވުނެވެ.

ޝާމާ ސުކޫލު ނިމުނީ ޝާއިނާއާއެކު ނަމަވެސް ކިޔެވުމުގައި ދެ މީހުންގެ ފަރަގު ވަރަށް ބޮޑެވެ. ގިނަ ވަގުތު ކިޔެވުމުގައި ޝާމާ ހޭދަކުރެއެވެ. އެހެންނަމަވެސް އޭލެވެލް ހަދަން ބައިވެރިވާން ޖެހުނީ އަމިއްލަ ގޮތުންނެވެ. އިމްތިހާނުތަކުން ފާސްނުވާ މާއްދާތައް ގިނައެވެ. އެކަމަކު އެ ކޮއްކޮ ކިޔަވަން ވަރަށް މަސައްކަތްކުރާކަން ޝާއިނާ ދެނަހުއްޓެވެ. އެކަން މަންމައާއި ބައްޕައަށް ފާހަގަނުވާންވީ ކީއްވެކަމެއް ނޭނގެއެވެ. ޝާއިނާ ފަދަ ކުއްޖަކަށް ޝާމާ ނުވަނީ ކީއްވެތޯ މަންމަމެން ކޮއްކޮއާ ސުވާލުކޮށް ހަދައެވެ. ރުޅި އައިސްގެން ހަޅޭލަވާ ހަދައެވެ. ޝާއިނާ އުޅޭ ގޮތް ދުށުމަށް އެމީހުން ޝާމާއަށް ނަސޭޙަތްތެރިވެއެވެ. ފައުންޑޭޝަން ލެވެލްގައި ބައިވެރިވެ ބައެއް މާއްދާތަކުން ފާސްނުވުމުގެ ސަބަބުން ޝާމާއަށް އަލުން ކިޔަވަން ޖެހުނީއެވެ. އޭރު ޝާއިނާގެ ޑިގުރީ ކޯސް ފެށިގެން ކުރިއަށް ދަނީއެވެ. އެރޭ ކުލާސްތައް ނިންމާފައި ޝާއިނާ ގެއަށް އައިއިރު ސިޓިންރޫމުގައި ބައްޕަ އިނެވެ. މަންމައާއި ޝާމާ ތިބީ ކޮޅަށެވެ. ކުށްވެރިއެއް ފަދައިން ޝާމާ ހުރީ މަންމަ ކުރިމަތީ އިސްޖަހާލައިގެންނެވެ. ސްލިޕްކޮޅެއް ފަދަ ކަރުދާސްކޮޅެއް މަންމަގެ އަތުގައި އޮތެވެ. ފެންނަނީ އިންތިހާއަށް ރުޅި އައިސްފައި ހުރި ތަނެވެ. އޭރު އަދި ވެގެން އުޅޭ ގޮތެއް ޝާއިނާއަކަށް ނޭނގެއެވެ. ނަމަވެސް ޝާއިނާ ފެނުމުން ކާން ދާށޭ ބައްޕަ ބުންޏެވެ. މައިންބަފައިންގެ ކުރިމަތީ ޝާމާ ބާރަށް އެއްޗެކޭ ބުނި އަޑު ޝާއިނާ އެހީ އެ ރެއެވެ. ޝާމާ ރުޅިވެރިކަމާއެކު ޝާއިނާއަށް ބަލާލިއެވެ. ޝާއިނާއަށް މިއާދެވުނީ ނުބައި ވަގުތެއްގައި ކަހަލައެވެ.

“ފަކ*…” ޝާމާ ނިކަން ބާރަށް ބުންޏެވެ. މަންމަގެ ރުޅި އިންތިހާއަށް ދިޔައެވެ. ހުތުރު ބަހެއް ބުނީތީ ޝާމާގެ އަނގަމަތީ މަންމަ ޖެހިއެވެ. އެވަގުތު ޝާއިނާއަށް، ބައްޕައަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ޝާމާ ރޮނީއެވެ. އިންތިހާ ދަރަޖައިގެ ރުޅިވެރިކަން އެ ދެލޮލުން ފާޅުވޭވޭ ހުއްޓެވެ.

“ފަކ* އޯފް… އަބަދާ އަބަދު ދޮންތިއަށް ވީނަމައޭ ތިކިޔަނީ އޭނާނޫން މީހަކަށް އަހަރެން ވެގެން ނުވަނީތަ؟… ދެން އަހަރެން މީ ކާކުތަ؟… ބުނެދީބަލަ…. ވަޓް ދި ފަކ* އޭމް އައި؟…. ކީއްވެތަ އަހަންނަށް ތި މަޖުބޫރުކުރަނީ ދޮންތިއަށް ވާން، ކީއްވެތަ އަހަންނަށް އަހަރެން ބޭނުންވާ ގޮތަކަށް އަހަރެންގެ ލައިފް ނޫޅެވެންވީ…”

ޝާއިނާއަށް ފެނުނީ ހަލުވިކޮށް ބައްޕަ އައިސް ޝާމާގެ އަނގަޔަށް ފިތާލިތަނެވެ. ދުވަހަކުވެސް މަންމައާއި ބައްޕަ ޝާއިނާއާއި ޝާމާގެ ގައިގާ ތަޅައި އަނިޔާއެއްކޮށްފައެއް ނުވެއެވެ. ޝާއިނާއަށް ހުރެވުނީ އަނގައިން ބުނެވޭވަރަށްވުރެ ހާސްވެފައެވެ. ބައްޕަގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. ލަދުހަޔާތެއް ވެސް ޝާމާގެ ނެތީތޯ ބައްޕަ ސުވާލުކުރިއެވެ. ދުލަށް އައިހާ އެއްޗެއް މަންމައާ ދިމާއަށް ކިޔައިގެން ނުވާނޭ ބައްޕަ ބުންޏެވެ. އެ ހަރުކަށި އަޑުން ހީވީ ކޮއްކޮއަށް ދިން އިންޒާރެއް ހެންނެވެ. އަދިވެސް ޝާމާ އެ ހުރީ އެ މީހުންގެ ބެލުމުގެ ދަށުގައިކަން ބައްޕަ ބުނީ ހަނދާންކޮށްދޭ ފަދައިންނެވެ.

“އަހަރެން ވެސް ހިތަށް އަރާ ޝާއިނާހެން ޝާމާ ނުވީ ކީއްވެބާއޭ، އޭނާ ވަޒީފާ އަދާކުރަމުން މިހާރު ޑިގުރީ އެ ހަދަނީ، އަހަރެމެން އޭނާއާ މެދު ވިސްނާކަށް ނުޖައްސާ، ޝާއިނާއާ އަޅާ ބަލާއިރު ޝާމާއަށް ކުރެވުނީ ކޮންކަމެއްތަ؟ އޭލެވެލް ކުލާހެއްގަ ބައިވެރިކޮށްގެން އެއިން ވެސް ރަނގަޅު ނަތީޖާއެއް ނުކުތީއެއްނޫން، އެންމެ ކުޑަމިނުން ޑިގުރީ ގޯސްގަނޑެއްގަ ބައިވެރިވެވޭހާ ފެންވަރެއްނެތް… ކިޔަވައިގެންނޫންތަ މީހުން މީހުންނަށްވަނީ، ތާއަބަދު އަހަރެމެން ދުނިޔޭގަ ތިބޭނެތަ ޚަރަދުކުރަން” ބައްޕަގެ ވާހަކަތައް އިވިފައި ޝާމާއަށް ހުއްޓުން އެރި ގޮތް ޝާއިނާ ދުށްޓެވެ. ހިފެހެއްޓުމެއްނެތް ކަރުނައިން އެ ކޮއްކޮގެ ކޯތާފަތް ތެމެމުން ދިޔައިރު އެ ދެލޮލުގައިވި އަސަރުތައް ފިލާ ދިޔައީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ކޮއްކޮގެ މޫނުގައިވި ހުރިހާ ޖަޒުބާތެއް ފިލާ ދިޔަ ކަހަލައެވެ.

“ދެޓްސް ޖަސްޓް ގްރޭޓް… އިޒްންޓް އިޓް” އެއްވެސް އަސަރެއް ނެތްހެން ފަނޑުހިނިތުންވުމަކާއެކު ކަރުނަވީ ދެ ލޮލުން ބައްޕައަށް ޝާމާ ބަލާލިއެވެ.

* * * * *

ދުވަސްތަކަކަށްފަހު….

ކޮއްކޮގެ ކޮޓަރިއަށް ޝާއިނާ ވަނީ އޭނާގެ ކޮޓަރީގައި ބާއްވާފައި އޮތް އަތްދަބަހެއް ރައްދުކޮށްދޭންވެގެންނެވެ. ޝާމާ ވެސް ޝާއިނާ ނޫޅޭ ވަގުތުތަކުގައި އޭނާގެ ކޮޓަރިއަށް ވަދެހަދާކަން އެނގޭތީވެ، އެ ކޮޓަރިއަށް ވަނުން މައްސަލައަކަށް ނުވާނޭ ހިތަށް އަރާފައެވެ. ކޮޓަރިއަށް ވަންއިރު އަލަމާރި ހުރީ ހުޅުވާލާފައެވެ. ޝާމާގެ އެނދުމަތީގައި ޝާއިނާ ގެނައި އަތްދަބަސް ބަހައްޓާލަމުން އަލަމާރި ތެރެއިން ފެނުނު ހެދުންތައް ބެލުމަށް އަވަސްވެލިއެވެ. ފެނުނު މަންޒަރުން އޭނާ އަޖައިބުވެ އަންތަރީސް ވިއެވެ. ޝާމާގެ އަލަމާރި ފުރިފައިވަނީ ޝާއިނާގެ އަންނައުންނެވެ. ޝާއިނާ އަތުގައި އޮތް ކޮންމެ ވައްތަރަކުން ހަމަ އޭގެ ހެދުމެއް ޝާމާގެ އަލަމާރީގައިވިއެވެ. ޝާއިނާއަށް ފެންނަ ގޮތްބާއޭ ހިތަށް އަރާ ޤަބޫލުކުރަން އުނދަގޫ ވެސް ވިއެވެ. ހުރިހާ އެއްޗެއް ތަރުތީބު ކޮށްފައި ހުރީ ވެސް ޝާއިނާގެ އަލަމާރި ތަރުތީބު ކޮށްފައި ހުންނަ ގޮތަށެވެ. އެ މަންޒަރު ފެނި ހަމަވިސްނުން ގެއްލި ޒާތެއްގެ ރުޅިއެއް ޝާއިނާއަށް އާދެވުނެވެ. މީ ބޮޑުވަރޭ އޭނާގެ ހިތަށް އެރިއެވެ.

ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމުގައި ޝާއިނާ އިނީ ޝާމާ ގެއަށް އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. އޭނާވީ މަންމައާއެކު ބޭރަށް ގޮހެވެ. އިންތިޒާރުގެ ވަގުތު ދިގުވާވަރަކަށް ޝާއިނާގެ ރުޅި ވެސް އައީ ގަދަވަމުންނެވެ. އަތުގައި ޝާމާގެ އަލަމާރިތެރެއިން ނެގި ދެތިން ހެދުން އޮތެވެ. ފަހަރަކަށްވުރެ ފަހަރެއް ދެއަތުގެ ތެރޭ އެ ހެދުންތައް ބޮނޑިކޮށްލައެވެ.

ޝާމާ ނިކަން ހިނިއައިސްފަ މަންމައާ ވާހަކަދައްކަމުން އައިސް ސިޓިންރޫމަށް ވަނެވެ. ސޯފާގައި އިނދެފައި ޝާއިނާއަށް ކޮޅަށް ތެދުވެވުނީ ފުންމައިގަންނަ ފަދައިންނެވެ. ތެދުވިގޮތަށް އަތުގައިގައި ހުރި ހެދުންތައް ކޮއްކޮއާ ދިމާއަށް ހޫރާލިއެވެ. މޫނުގައި އޭނާ އަތް އެޅުމުން އެކަމާ މަންމަ ކަންބޮޑުވިއެވެ.

“މީ ކޮންކަމެއް؟” ޝާއިނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

“ޝާއިނާ!… ކިހިނެއްވެފަތަ ތިހުރީ” މަންމަ ބުންޏެވެ.

“ކީއްވެތަ އޭނާއަތުގަ އަހަރެން ލާ ކޮންމެ ހެދުމަކަށް ހަމަ އޭގެ ހެދުމެއް އޮންނަންވީ؟… އެއީ މީހުންކުރާ ކަހަލަ ކަންތައްތަ؟” ނުރުހިފައި ޝާއިނާ ބުންޏެވެ.

“އެހެންވިޔަސް، ކޮންހާ ހަޅޭކެއްތަ ތިލަވަނީ؟” މަންމަ ވެސް ޝާމާ ދިފާއުކުރާ ކަހަލަ ގޮތަކަށް އޭނާގެ ކޮނޑުގައި ހިފަހައްޓާލަމުން ހަރުކަށިކަމާއެކު ޝާއިނާއަށް މުޚާޠިބުކުރިއެވެ.

“މަންމާ!… އެންމެ ހެދުމެއް ދެ ހެދުމެއްނޫނޭ، އަހަރެންގެ ކޮންމެ ސްކާޓަކާއި، ޖީންސަކާ، ގަމީހަކާ، ޓޮޕަކަށް ދަންދެން، ހުރިހާ އެއްޗެއް ސޭމް ޓު ސޭމް، އަހަރެން އަތުން ގެންގޮސްގެނެއްނޫން… ކޮންމެ އެއްޗަކަށް އެއްޗެއް އޭނާ ހޯދާފަ ހުރީ…. ވައި ޑޫ ޔޫ ކީޕް ކޮޕީއިން މީ” ހިތުގައި އޮތް ސުވާލު ޝާއިނާއަށް ބޭރުކޮށްލެވުނެވެ. ނަމަވެސް ބުނެވުނު އެއްޗަކާމެދު ވިސްނާލަން ޖެހުނީ މަންމައާއި ޝާމާގެ ނަޒަރު ޝާއިނާއަށް ހުއްޓިފައި ހުރި ގޮތް ފެނިފައެވެ.

“ވަޓް؟!… މިހާރު ތި ބަލަނީ ކިހިނެއްވީ؟” އެ ބެލުންތަކުން އުނދަގޫވެގެން ޝާއިނާ ބުނެލީ ޝާމާއަށެވެ.

“ދޮންތީ!… ދޮންތިއެއްނޫންތަ އަހަންނަށް ޚިޔާލު ދިނީ” ޝާމާ ބުނެލިއެވެ. ލިބުނު ހައިރާންކަމާއެކު ޝާއިނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޝާއިނާއަށް އެހެން ބުނެވުނީ ކޮންއިރަކުތޯ ހަނދާން ކުރަން ފެށިއެވެ.

ތަޅުންމަތިން ހެދުންތައް ނަގައި ވައަތު މުލައްދަނޑީގައި އަޅުވާލުމަށްފަހު ދެއަތް އުރާލައިގެން ޝާމާ ބަލަން ހުއްޓެވެ. އެ ދެބެންނަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލާފައި މަންމަ ހިނގައިގަތީ މަންމަގެ ކޮޓަރިއާ ދިމާއަށެވެ. މަންމަ އެއްޗެއް ނުބުނީ، އުފެދުނު ހަމަނުޖެހުން ދެބެންގެ ދެމެދުގައި ހައްލުކުރަން ދޫކޮށްލުމުން ކަހަލައެވެ.

 

—- ނުނިމޭ —-

Leave a Comment

Your email address will not be published. Required fields are marked *