LOABIVAATHEE UFAA DHEYNAMEY [EP-10]

“އެންމެ ރަނގަޅު. އަހަރެން ވަރަށް ބޮޑު ވާހަކައެއް ވެސް އެބައޮތް ރޭޝްއާ ދައްކަންވެފައި… ކޮފީއަކާއެކު ކުރިއަށް ދިއުން ކަންނޭނގެ ރަނގަޅުވާނީ” ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ތަހުސީނު ބުނެލިއެވެ.

ރޭޝްމާ ދެ ތަށި ކޮފީ ތަބަކުގައި ބަހައްޓައިގެން ސިޓިންރޫމުން ނުކުމެ ޓެރެސްއަށް އަރަން ހުރި ސިޑިން އަރައިގެން އައެވެ. ރޭޝްމާ ފެންނައިރަށް ތަހުސީނު އޭނާގެ ގާތުގައި ހުރި މޭޒު ދަމާލަމުން މެދަށް ޖައްސާލިއެވެ. އަދި ރޭޝްމާ އިށީނުމަށް ދެން ހުރި ސަރަންފީ ކައިރިކޮށްލިއެވެ.

“ތި އުޅެނީ ހާދަ ބޮޑުވާހަކައެއް ބުނަންހެން ހީވޭ” ރޭޝްމާ ހިނިއައިސްފައި ބުނެލިއެވެ. އަދި ތަބަށްހިފައިގެން އައިސް މޭޒުމަތީ ބަހައްޓާލާފައި އޭގައި ހުރި ދެ ތަށިން އެއްތަށީ ނަގާ ތަހުސީނަށް ދިއްކޮށްލިއެވެ. އަދި އަނެއް ތަށި ހިފައިގެން ތަހުސިނު ކައިރިކޮށްލި ސަރަންފީގައި އިށީނެވެ.

“ރޭޝް. ވަރަށް ގިނަ ދުވަސްވެއްޖެ ހިތުގައި މި ވާހަކަތައް ފޮރުވައިގެން ހުންނަތާ. ރޭޝްއާ ދިމާވި ފަހުން އަހަރެންގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަތުވެއްޖެ. ޚާއްޞަކޮށް މިހާރު ރީން އުޅޭ ހާލު ފެނުމުން އަހަރެންގެ މާޒީގެ މަތިން މާބޮޑަށް ހަނދާންވަނީ…” ޝައުގުވެރިކަމާއެކު ތަހުސީނުގެ ވާހަކަ އަޑުއަހަން އިން ރޭޝްމާ ވާހަކަދެއްކީ ތަހުސީނުގެ ވާހަކަ މެދުކަނޑާލާފައި އިންނަން ފެށުމުންނެވެ.

“ތަހުސީނުގެ ވާހަކަތައް އަޑުއިވިފައި އަހަރެންގެ ޚިޔާލު ތަހުސީނާ މެދު ބަދަލުވެދާނޭ ހީކުރަނީތަ؟ ފަހަރެއްގައި ވެސް އެހެން ހީނުކުރައްޗޭ. އަހަރެން ތަހުސީނުގެ ހުރިހާ ކުށަކަށް މާފުކުރާނަން…. އަހަރެން ދުށީ ތީ ވަރަށް މާތް އިންސާނެއްގެ ގޮތުގައި. އަހަންނާއި ރީންއަށް ތަހުސީނުގެ އެހީތެރިކަން މިއަދު ފޯރުކޮށްދޭއިރު، މީހުން ކިޔާނޭ އެއްޗަކަށް ތަހުސީނުގެ ފަރުވާލެއްނެތް…” ކައިރީގައި އިން ތަހުސީނުގެ އަތުގައި ފިރުމާލަމުން އޭނާގެ އަތްތިލައިގައި ރޭޝްމާ ހިފާލިއެވެ.

“ރޭޝް ދެކެ އަހަންނަށް ވަނީ ލޯބިވެވިފައި… މިހާރު އެންމެ ބޭނުންވަނީ ރޭޝްއާ ކައިވެނިކުރަން. އެކަމަކު އަހަރެންގެ މާޒީއަށް އެނބުރި ނުގޮސް ކުރިއަށް ދިއުމަކީ އިންސާފެއްނޫން… ރޭޝްއަކީ އަހަރެންގެ ހަޔާތަށް އައި ދެވަނަ އަންހެނާ… ފުރަތަމަ މީހަކީ ފަރިޔާލު…. ފަރިޔާލަކީ އަހަރެންގެ ފުރަތަމަ ލޯބި… އޭނާ މެދު އަހަންނަށް ކަންތައްކުރެވުނީ ވަރަށް ވެސް އިހާނެތިކޮށް. އެކަމަކު އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރު… ދިރިއުޅުމަކީ ކޮބައިކަމެއް، ކައިވެންޏަކީ ކޮބައިކަމެއް އެއިރަކު ނޭނގޭ. އެކަމުގެ ޚިޔާލެއް ވެސް އަހަރެން ނުގެންގުޅެން. އެކަމަކު ފަރިޔާލާ ބައްދަލުވިފަހުން އަހަންނަށް އޭނާ ނޫން މީހަކާ މެދު ނުވިސްނޭ. ވަރަށް ލޯބިވީން ފަރިޔާލުދެކެ. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދާން މަސައްކަތްކުރީ ޚުދު އަހަރެން. އަހަންނަށް އެނގޭ އަހަރެންގެ ދެކެ ވާ ލޯބިން ފަރިޔާލު އަހަންނަށް އެއްވެސް ކަމެއް މަނައެއް ނުކުރާނެކަން. ރޭޝް… އަހަރެން ފަރިޔާލާ ވަކިވީ އޭނާ އަހަރެންގެ ދަރިއަކަށް ބަލިވެ އިންދާ…”

“ތަހުސީނު އެހެން ހަދާނެކަމަކަށް އަހަންނަށް ޤަބޫލެއްނުކުރެވޭ… ތިކަމުގައި އެހެން ސަބަބެއް އޮންނާނެ…” މާޔޫސްވެ މަޑުމޮޅިކަންމަތީ އިން ތަހުސީނަށް ރޭޝްމާ އޭނާއަށް އިތުބާރުކުރާވަރު އެނގިގެން ދިޔައެވެ. ކުރެވުނު ކުށާ ކުރިމަތިލުމަށް އިތުރު ހިތްވަރެއް ތަހުސީނު ލިބުނެވެ.

“ސަބަބެއް ވެސް އެބައޮތް. އެކަމަކު ފަރިޔާލު އެވަގުތު ހުރި ހާލަށް ވިސްނާއިރު މިހާރު ހިތަށް އަރަނީ އެއީ އެއްވެސް ވަރަކަށް އަހަރެންގެ ނިންމުމަށް ހުރަސްއަޅާވަރު ސަބަބެއް ނޫނޭ… އަހަރެންގެ މައިންބަފައިންނަކީ މާލޭ ބައެއް. އެކަމަކު ފަރިޔާލަކީ މާލޭގެ ގެއެއްގައި ކިޔަވަން އައިސް އިން ރާއްޖެތެރޭ ރަށެއްގެ ކުއްޖެއް. އަހަރެންގެ މައިންބަފައިން އެއްގޮތަކަށް ފަރިޔާލާ އިންނާކަށް ޤަބޫލެއްނުވި… އެމީހުންނަށް އެނގޭނެ ފަރިޔާލު ބަނޑުބޮޑުވެގެންކަން އަހަރެން އިންނަން ބޭނުންވީ…. އަހަންނަކީ އޭރު އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ހުރި މީހެއްނޫން. ބައްޕަ އާއި މަންމަ އަހަރެންގެ ބޭބެއާއެކު ރާއްޖޭން ބޭރަށް ފޮނުވާލީ…. އެއަށްފަހު ފަރިޔާލަށް ވީގޮތެއް އަހަންނަކަށް ނޭނގޭ. އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ވެސް ހުރީ ކޮންތާކުކަމެއް ނޭނގޭ… އެ ދެމީހުންނަކީ ވެސް ރާއްޖެތެރޭ ދެ މީހުން. އެހެންވެ ބޮޑަށް ލަފާކުރެވުނީ އެނބުރި ރަށަށް ދިޔައީ ކަމުގައި”

“އެކަމަކު ފަރިޔާލު ހުރީ ކޮންތާކުތޯ ތަހުސީނު ހޯދަން މަސައްކަތްކުރަންވާނެއެއްނު… ތި ދެމީހުން ދުރުވިއެއްކަމަކު ފަރިޔާލު އިނީ ތަހުސީނުގެ ދަރިއަކަށް ބަލިވެއެއްނު. ދަރިފުޅު ދުށުމަށް ތަހުސީނު ބޭނުމެއްނޫންތަ؟” ރޭޝްމާ ސުވާލުކުރިއެވެ.

“ބޭނުން…. ވަރަށް ބޭނުން…. އެހެންވެ ފަރިޔާލު ހޯދަން ބޭނުންވަނީ. އޭނާ އިނީ ކޮންރަށެއްގައިކަން މިހާރު އެނގިއްޖެ. އެކަމަކު ހިތަށް އަރަނީ އަހަރެން ފެންނާން ވެސް އޭނާ ނޭދޭނެޔޭ… ދުވަހަކު ވެސް މާފެއްނުކުރާނެޔޭ… މިއަދު އީތަންއެކޭ މަށެކޭ ތަފާތެއްނެތް. ރީން ރޯ ރުއިމާ އެ އުފުލާ ހިތާމަތައް ފެނިފައި އަހަރެންނަށް ސިފަވެގެންދަނީ ފަރިޔާލު… އަހަރެން ދިއުމުން އޭނާ އުޅޭނޭ ގޮތް… ރޭޝް. އަހަރެން ނިންމައިފިން ފަރިޔާލު ހޯދަން އެރަށަށް ދާން… އެކަމަކު އަހަރެން އެނބުރި އަންނާނަން ރޭޝް އާއި ރީންގެ ގާތަށް”

“ތަހުސީނު… ފަރިޔާލު ހުރީ ތަހުސީނުގެ އިންތިޒާރުގައި ކަމަށްވާނަމަ ދެން ކިހިނެއް ހަދާނީ… ދަރިފުޅު ވެސް ހުންނާނީ މިހާރު ވަރަށް ބޮޑުވެފައެއްނު، ހުރިހާ ކަމެއްގެ ބަދަލުގައި ތަހުސީނުގެ ކިބައިން ކައިވެންޏަށް ފަރިޔާލު އެދެފިނަމަ…” ރޭޝްމާ މާނަފުން ބަލާލުމަކުން ތަހުސީނަށް ބަލަންއިނެވެ.

“އެތަކެއް އަހަރުތަކެއް ފާއިތުވެ ދިޔައިރު އެހާ ދުވަސް ވަންދެން ފަރިޔާލު އަހަންނަށް އިންތިޒާރުކޮށްފާނެއޭ އަހަރެންގެ ހިތެއް ނުބުނޭ… އަނެއްކާ އަހަރެން އޭނާއާ ވަކިވާންޖެހުނުއިރު އޭނާ އިން ހާލުން ވެސް، ހަމަ ހީނުވަނީ މަށަށް މާފުކުރާނޭހެން”

“ތިހެން ނުބުނޭ ތަހުސީނު، އަންހެނެއްގެ ހިތަކީ ފާޑެއްގެ އެއްޗެއް… ދަރިފުޅުގެ ސަބަބުން ވެސް ތަހުސީނުގެ މަތިން އޭނާ ހަނދާނެއްނުނެތޭނެ. ބައްޕަނެތް ކުއްޖެއްކަމުގައި ދުނިޔެ ޤަބޫލުކުރިޔަސް އަންހެނަކަށް އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން ނޭނގިއެއް ނޯންނާނެ، އެހެންވީމަ އެމީހެއްގެ މަތިން ހަނދާންނައްތާލަން ފަސޭހައެއް ވެސް ނުވާނެ، އަނެއްކާ ތި ދެމީހުން ގުޅުނީ ލޯބިން…”

މޭޒުމަތީ ކޮފީތަށި ބަހައްޓާލާފައި ރޭޝްމާގެ އަތުގައި ތަހުސީނު ހިފާލިއެވެ. އޭނާ ރޭޝްމާއާ ވަކިވާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ފަރިޔާލަށް ހިތުގައި ދެވިފައިވާ މަޤާމު ކުޑައެއް ނޫނެވެ.

“އަހަރެންގެ ދަރިފުޅު ދުނިޔޭގައި ހުރިނަމަ ފަރިޔާލުވާނީ އަހަރެންގެ ދަރިފުޅުގެ މަންމައަށް. އޭނާ ހުރީ އަހަރެންގެ އިންތިޒާރުގައި ކަމަށްވަންޏާ އެކަމާ އެންމެ އުފާވާނީ އަހަރެން… އެކަމަކު… ރޭޝް…. އަހަރެން ރޭޝްއާ ކައިވެނިކުރަން ބޭނުން. ފަރިޔާލު… ފަރިޔާލު ހުރި ގޮތެއް އެނގުނީމާ ދެން ހަދާނޭގޮތެއް ނިންމޭނީ”

“ތަހުސީނު ފަދަ މީހަކު އަހަރެންގެ ހަޔާތަށް އައުމަކީ އަހަންނަށް ލިބުނު ނަސީބެއް. ފަރިޔާލަކީ ތަހުސީނުގެ ފުރަތަމަ ލޯބި. އަލަތު ދަރިފުޅުގެ މަންމަ. އަހަރެން ޝަކުވާއެއް ނުކުރާނަން ތަހުސީނުގެ ދިރިއުޅުމަށް އެމީހުން އައި ނަމަވެސް. އަހަރެން ތަހުސީނަށް ވަރަށް އިތުބާރުކުރަން…”

“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެންގެ އަނތްބަކަށް ރޭޝް ވާނެ. މި ދަތުރު ދާން އަހަރެން ނިންމީ އެހެންވެ. އަހަރެންގެ ޢާއިލާ ފިޔަވާ މިކަންކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ. އަހަރެން ވެސް ރޭޝްއަށް އިތުބާރުކުރާތީ މި ވާހަކަތައް ކިޔައި މިދިނީ. އަހަރެންގެ ހިތްބުނި ރޭޝްއަކީ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް އަހަރެން ބޭނުންވާ ކަހަލަ އަންހެނެއްކަން. ފަރިޔާލުގެ ހާލު ހުރި ގޮތުން ފަހަރެއްގައި އޭނާ ގޮވައިގެން އަންނަން ވެސް ޖެހިދާނެ. އެކަމަކު އަހަރެން އޭނާ މިގެއަކަށް ނުގެންނާނަން. އަދިވެސް އަހަރެންގެ މަންމަމެންގެ ޚިޔާލު ބަދަލެއްނުވޭ… އެކަމަކު މިހާރު އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވިއްޖެ. ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ފަރިޔާލާ މެދު ރޭޝްގެ ޚިޔާލު ހުރި ގޮތް އެނގުނީމާ… އަހަރެން ދުށީ ރޭޝްގެ ދަރިފުޅަކީ ވެސް އަހަރެންގެ ދަރިއެއްކަމުގައި. ތި ދެމެއިންނާއެކު އަބަދުވެސް އަހަރެން ހުންނަން ބޭނުން”

“ތަހުސީނު. ރީން ވިހަން ވާއިރަށް އާދެވޭނެތަ؟ ދުވަސްފުރެން ގިނަ ދުވަހެއްނެތް… އެކުއްޖާ އުޅޭ ގޮތުން ހީވަނީ ދުވަސްނުފުރެނީސް ވިހާ ފާނެހެން… މިހާރު އެއްވެސް ފަރާތަކުން އަޅާނުލިޔަސް، ވިހެއިމަ ރީންއަށް ހުއްޓޭ ލޯތައް ގިނަވާނެ…” ރޭޝްމާގެ މޫނުމަތިން ފެނިގެން ދިޔަ އަސަރުތަކުން އޭނާ ޒޫރިންއާ މެދު ކަންބޮޑުވާ މިންވަރު ތަހުސީނަށް އެވަގުތު ވެސް އިހުސާސްވިއެވެ.

ފިނިކޮށްފައި ހުރި ކޮޓަރީގެ ތެރޭގައި ޒޫރިން އޮތްއިރު އޭނާއަށް ހޭލެވުނީ ހޫނުވާ ވަރުންނެވެ. ލޯ ހުޅުވާލާފައި މަޑުމަޑުން އެނދުގައި ހިފަހައްޓާލައިގެން ތެދުވެ އިށީނެވެ. ލައިގެން އިން ޓީޝާޓުގައި ފުރަގަހުން އަތްޖައްސާލިއިރު ދާހިތްލައިގެން އޮތީ ތެމިފައެވެ. އަރިމަތީގައި ހުރި ކުޑަމޭޒުގެ މަތިން ފޯނު ނަގާފައި އިސްކުރީނުން ގަޑިން ވީއިރު ފެނުމުން ޚިޔާލު ބަދަލުވެގެން އަލުން ފޯނު ބާއްވާލިއެވެ. އަދި އަމިއްލައަށް ތެދުވެގެން އައިސް އަލަމާރި ހުޅުވާލިއެވެ. ޓީޝާޓުތައް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ އީތަންއާ ބައްދަލުވި ރޭ ޒޫރިން ލާފައި ހުރި ދިގު ޓީޝާޓުކޮޅެވެ. އެއްއަތުން އެ ޓީޝާޓުގައި ފިރުމާލާ އުސޫލުން އަތްހާކާލާފައި ބަލަން އިރުކޮޅަކު ހުއްޓެވެ. ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމަކާއެކު ޒޫރިން އެ ޓީޝާޓު ނެގިއެވެ. އަދި ލައިގެން ހުރި ޓީޝާޓު ބޭލުމަށްފަހު އަލަމާރިން ނެގި ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލިއެވެ. އެއާއެކު އޭސީގެ ފިނި ހުރީ ކިހާވަރެއްގައިތޯ ބަލާލިއެވެ.

“މަންމަ އޮންނާނީ މިހާރު ނިދާފައި ކަންނޭނގެ… ވަރަށް ފިނިފެންދޮއް ބޯލަން ބޭނުން” ހިކިފައިވާ ދެ ތުންފަތުގައި ދޫ ހާކާލަމުން ޒޫރިން އަމިއްލައަށް ބުނެލިއެވެ.

ކޮޓަރީގައި އިނުމުގެ ބަދަލުގައި ޒޫރިން ނުކުމެ ތިރިއަށް ފޭބެން ހުރި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އޭނާ ހުއްޓުނީ ޓެރެސްއަށް ނުކުމެވެން ހުރި ދޮރު ހުޅުވާފައި ހުރިތަން ފެނިފައެވެ. އެއާއެކު ރޭޝްމާ ހޭލާ އުޅޭކަން ޔަޤީންވީއެވެ. މަޑުމަޑުން ލަސް ފިޔަވަޅުތަކެއްގައި ޒޫރިން އައިސް ޓެރެސްއަށް ނުކުމެވެން ހުރި ދޮރާ ހަމަވާންވީ އިރަށް އޭނާއަށް ރޭޝްމާ އާއި ތަހުސީނުގެ އަޑު އިވުނެވެ. ދޮރުކަނީގައި އަތްވިދެލާފައި ޒޫރިން ބަލާލިއިރު ރޭޝްމާ އާއި ތަހުސީނު ތިބީ ދޮރާ ދިމާއަށް ފުރަގަސްދީގެންނެވެ. އެހެންވިޔަސް އެ ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް ސާފުކޮށް ޒޫރިންއަށް އިވެމުން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒޫރިންގެ ސަމާލުކަން އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް ހޯދިއެވެ. ތަހުސީނު ބޭނުންވަނީ ރޭޝްމާއާ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަންކަން އެނގުމުން ޒޫރިން އުފާވިއެވެ. އޭނާގެ ތުންފަތުގައި ދުވެލި ހިނިތުންވުން އެކަމަށް ހެކި ދެއެވެ.

“އިރާދަކުރެއްވިއްޔާ އެ ދުވަހަށް އަހަރެން ހުންނާނީ ރޭޝްގެ ގާތުގައި، ދެރަނުވޭ… އެކަމަކު އަހަރެން ހިތަށް އަރާ ކަމެއް އެބައޮތް. ރޭޝް ގާތު އެކަމާ ސުވާލުކޮށްލަން ނުކެރިފައި ހުރީ އެ ވާހަކަތައް ދައްކަން ރޭޝް ބޭނުންނުވާހެން ހީވެގެން. އަހަރެން ހީކޮށްގެން މިހުންނަނީ ވަގުތު ޖެހުނީމާ ރޭޝް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނޭކަމަށް…” ރޭޝްމާގެ އަތުގައި ހިފަހައްޓާލައިގެން އިން ގޮތަށް އިނދެ ތަހުސީނު ބުނެލިއެވެ.

“ކޮން ސުވާލެއް؟” ކުއްލިއަކަށް ރޭޝްމާއަށް އަހާލެވުނެވެ.

“އެއީ…. މި ހުރިހާ ކަމެއްވެގެން ދާއިރު ރީންގެ ބައްޕައަށް މި އިން އެއްވެސް ކަމެއް ނޭނގޭތީވެ. ތި ދެމެއިން ފެށުނީއްސުރެން ތިއުޅެނީ އެކަނިމާ އެކަނި… ނާޒިލްއަކީ ރީންއާ ގުޅުން ހުރި މީހެއްނޫންކަން އަހަންނަށް މިހާރު އެނގޭ…”

“އަހަރެން ވެސް ތަހުސީނަށް އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއްނޫން. އެކަމަކު އަހަންނަކީ ތަހުސީނު ހީކުރާވަރުގެ މީހެއްނޫން. އެ ވާހަކަތައް ނުދެއްކިގެން މިއުޅެނީ ހަޤީޤަތް އެނގުނީމާ ތަހުސީނު އަހަރެންދެކެ ފޫހިވާނޭ މިންވަރު އެނގޭތީ. މިހާރު އަހަރެން ވެސް ބޭނުމެއްނޫން ތަހުސީނާ ވަކިވާކަށް”

“ތެދުބުނުމަކުން އަހަރެން ފޫސެއްނުވާނެ. އެކަމަކު އަހަރުމެން ދެމީހުން ކައިވެނި ކުރުމުގެ ކުރިން އަހަރެން ބޭނުން ރޭޝް އެއްވެސް ކަމެއް އަހަންނަށް ސިއްރުނުކުރަން. އެއީ މީހެއްގެ ފަރާތުން އަހަންނަށް އިވޭ އަޑަކީ ފަހަރެއްގައި ވެސް އަހަންނަށް ނޭނގި އޮތް ކަމަކަށް ވާކަށް ބޭނުމެއްނޫން…. އޭރުން ދޯ ބުނެވޭނީ ވެސް އަހަންނަށް ނޭނގޭ ކަމެއް ނޯންނާނެއޭ”

“އަހަރެން… އަހަރެން ދުވަހަކު ވެސް މީހަކާ ނީންނަން… ރީން އާއި އަހަންނާ ދެމެދު މައިމީހާ އާއި ދަރިފުޅުގެ މެދުގައި އޮންނަ ރަހިމުގެ ގުޅުމެއްނެތް… ތަހުސީނު… އަހަރެން މީހަކާ ނީނަސް އަހަރެން ވަނީ ފައިސާ… ފައިސާއަށް ވަރަށް ގިނަ ފިރިހެނުންނާއެކު… ނަހަމަ… ނަހަމަގޮތުގައި ގުޅުން ހިންގާފައި… މީހެއްގެ ފަރާތުން އިވުނަސް އިވޭނީ އެ އަޑު… ތަހުސީނު ކަހަލަ އެންމެން ދަންނަ މީހަކާ ކައިވެންޏެއް ނުކުރެވޭނެކަން އެނގޭ އެ ހަޤީޤަތް ފޮރުވައިގެން ހުރެ. އެކަމަކު… އެކަމަކު މިހާރު އެކަހަލަ ކަމެއް ނުކުރަން… ﷲ ގަންދީ ހުވާކޮށްފައި ބުނަން… އަހަރެން އެ ނުބައި ދިރިއުޅުން ހުއްޓާލައިފިން…. ރީންގެ ދިރިއުޅުން ހަލާކުވެގެން އެ ދިޔައީ އަހަރެންގެ ފާފައިގެ ސަބަބުން… އިތުރަށް އަހަރެންގެ ނުބައިކަން އެ ދަރިފުޅުގެ މައްޗަށް ފޯރާކަށް ބޭނުމެއްނޫން. މިއީ އަހަންނަށް ދައްކަން ފަސޭހަ ވާހަކައެއް ވެސް ނޫން. އެހެންވިޔަސް މިހާރު ސިއްރުކުރުމުގެ ބޭނުމެއްނެތް…. މީހުންގެ ދޫތަކުން އަހަންނާ ދިމާއަށް ކޮންމެ ފަދަ އެއްޗެއް ބުނި ކަމުގައި ވިޔަސް އެކަމަށް ކެތްކުރެވިދާނެ އެކަމަކު ރީން… ރީންއާ ދިމާއަށް މީހަކު އެއްޗެއް ބުނާއަޑު އަހާނޭ ހިތްވަރެއް އަހަރެންގެ ނެތް. އަހަރެން ޤަބޫލުކުރާގޮތުގައި މިއަދު އެކުއްޖާގެ ކުށެއްނެތް”

ތަހުސީނުގެ ހަމަހިމޭންކަން ރޭޝްމާގެ ނަފްސު ނުތަނަވަސް ކުރުވިއެވެ. ނަމަވެސް އޭނާއަށް މިހެން ވެދާނޭކަން ކުރިން ވެސް އޮތީ ހީވެފައެވެ. އެހެންވިޔަސް އިތުރަށް ހަޤީޤަތް ފޮރުވައިގެން ހުރުމަށްވުރެ އެކަން ހާމަކޮށްލެވުމުން ހިތަށް ލިބިގެން ދިޔަ ހަމަޖެހުން ބޮޑެވެ.

“ތަހުސީނު ބޭނުންވާ ގޮތެއް އެނގޭނީ ހަމަ ތަހުސީނަށް… އަހަރެން ޤަބޫލުކުރާނަން… ކައިވެނީގެ ވާހަކަ އަހަރެންގެ ގާތުގައި ދެއްކި ފުރަތަމަ ފިރިހެނަކީ ތީ… އެހެން ކޮންމެ ފިރިހެނަކަށް ފެނުނީ އަހަރެންގެ ހަށިގަނޑު” ރޭޝްމާއަށް އިސްޖަހާލެވުނެވެ. އެހިނދު ރޭޝްމާގެ ދަތްދޮޅީގައި ތަހުސީނު ހިފާ އެ މޫނު އުފުލާލިއެވެ. ރޭޝްމާގެ ފެންކަޅިވެފައިވާ ދެ ލޯ ތަހުސީނަށް ފެނިގެންދިޔައެވެ.

“އެއްވެސް އިންސާނަކު ސަބަބަކާ ނުލާ އެއްވެސް ކަމެއް ނުކުރާނެ. ރޭޝްއަކީ ނުބައި މީހެކޭ އަހަންނެއް ނުބުނާނަން. ކޮންމެ އިންސާކަށް ތިމާއާ އެއްވެސް ގުޅުމެއްނެތް ކުއްޖަކު އަމިއްލަ ދަރިއަކު ފަދައިން ނުބެލޭނެ. އަހަރެން ކުރިން ވެސް ބުނިން ރޭޝްގެ މާޒީ ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަހަރެން އެކަމަށް ފާޑުނުކިޔާނަންކަން. އަހަރެން ޤަބޫލުކުރަން މިހާރު ރޭޝް އެހެން ނޫޅެމޭ ބުނީމާ… އެކަމަކު ރޭޝް އެހެން އުޅެން ޖެހުނު ސަބަބު ބުނެދީބަލަ… ފައިސާއަށް ދަތިވެގެންތަ އެހެން އުޅެން ޖެހުނީ”

“އަމީނިއްޔާ ސްކޫލުގައި ކިޔަވަން ފެށުމުން އަހަންނަށް ވަރަށް ގިނަ ރައްޓެހިން ލިބުނު. އަހަންނަކީ މާލޭގައި ގެދޮރު ހުރި މާލޭ ކުއްޖަކަށްވާއިރު، އަތްމަތި ތަނަވަސް ޢާއިލާއެއް…. އަހަރެންގެ ޢާއިލާގައި މާގިނަ ބަޔަކު ނުތިބޭ. ވަރަށް ޅައުމުރުގައި ބައްޕަ ދުނިޔެ ދޫކޮށް ހިނގައްޖެ. އުމުރުން ބާރަ އަހަރުގައި ދޮންބައްޕައެއް ލިބުނީ. އެހިސާބުން އަހަރެންގެ ދިރިއުޅުން ބަދަލުވީ. އަމީނިއްޔާގައި ކިޔަވަމުން ދިޔައިރު ރައްޓެހި ކުދިންގެ ތެރެއިން އެންމެ ނުލިބޭ ކުއްޖާގެ އަތުގައި ވެސް ފަސްރުފިޔާ އޮންނާނެ. އެކަމަކު އަހަރެންގެ އަތަގައި އެންމެ ލާރިއެއް ވެސް ނޯވޭ. މަންމަ ގާތުގައި އައިސް އާދޭސް ކުރުމުން މަންމަގެ އަތުގައި ފައިސާ ހުރެއްޖެނަމަ އަހަންނަށް ވިހިރުފިޔާ ނޫނީ ބައެއް ދުވަސްދުވަހަށް ފަންސާސް ރުފިޔާ ވެސް ދީފައި އެބަހުރި… ރައްޓެހިކުދިން އަހަންނަށް ދިމާކުރޭ ދަހިމީހެކޭ ކިޔާފައި… މާލޭ މީހުންނަށް ކިތަންމެ ބައިވަރު ލިބުނަސް ލިބޭކަމަކަށް ނުވާނޭ ބުނޭ… ދޮންބައްޕައާ މަންމަ އިނދެގެން ގިނަ ދުވަހެއްނުވޭ ވަރަށް ބޮޑަށް ބަލިވީ. ހުރިހާ ފައިސާގެ ކަމެއް ބަލަހައްޓަނީ ދޮންބައްޕަ… މަންމަގެ ފައިސާތައް އޭނާ ޚަރަދު ކުރަންފެށީ އޭނާގެ އަމިއްލަ ކަންކަމަށް. މަންމަގެ އަހަރެން ނޫނީ ދަރިއަކުނެތް. މިގެއަކީ ބޮޑުގެއަކަށްވީމާ ކޮޓަރިތައް ހަދާފައި ދޮންބައްޕަގެ ތިމާގެ މީހުން މިގެއަށް ގެންނަންފެށީ. އަބަދުމެ ގެ އޮންނަނީ ފިރިހެނުންނާއިގެން ފުރިފައި. އަހަންނަށް ވަރަށް އުނދަގޫވި ގޭގައި އުޅެން. އެ ހުރިހާ އެންމެންނަށް ކާންދޭން ކައްކަން ޖެހުނީމާ ވަކިން ފޫހިވި. އެކަމަކު މަންމަ އަބަދު ނަސޭހަތްތެރިވަމުން ދިޔައީ ދޮންބައްޕައާ ދެބަސްނުވެ އުޅުމަށް. އަދި އަންހެންކުއްޖެއްވީމާ ގޭތެރެ ބަލަހައްޓަން ދަސްކުރަންވާނޭކަމުގައި… މަންމަ ބަލިކަމުން މާގިނަ ޝަކުވާކުރާކަށް ވެސް ނުކެރޭ… ޑޮކްޓަރުންނަށް ވެގެން އުޅޭގޮތެއް ނޭނގޭ. މަންމަ ގޮވައިގެން ބޭރަށް ދާކަށް ދޮންބައްޕަ ގަސްދެއްނުކުރޭ. ގޭގައި އެހާ ބުރަކޮށް އުޅެންޖެހޭތީވެ ކިޔެވުމައިގެން އުޅެވޭ ވަގުތުތައް މަދުވި، އެހެންވިޔަސް ކިޔަވަން ވަރަށް މަސައްކަތްކުރިން… އެހެން އުޅެނިކޮށް ގޭގައި ތިބި މީހުން ފުރައިގެން ދިއުމާއެކު ދޮންބައްޕަ ފަރާތުގެ ބޮޑުބޭބެ އާއި ތިމާގެ ދެތިން ޒުވާނުން ގެއަށް އައީ… ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް އެނގުނު ބޮޑުބޭބެ އަހަންނަށް ބަލަނީ ތަފާތު ގޮތަކަށްކަން. ދޮންބައްޕަ އެއްޗެއް ބުނެފިއްޔާ އަހަރެން ހިމާޔަތްކުރަން އެންމެ އަވަސްވެގަންނަނީ ވެސް ބޮޑުބޭބެ. އަހަރެންގެ ގައިގާ ވަރަށް ފިރުމާނެ… އޭނާ އަހަރެންގެ ހަށިގަނޑުގައި ފުރަތަމަ އަތްލީ… އެކަމުގެ އަގަކަށްވީ ފަންސާސް ރުފިޔާ… ދޮންބައްޕައަށް އެކަން އެނގުނީ ބޮޑުބޭބެ އަހަންނާއެކު އެ ގުޅުން ހިންގާތާ ދެ މަސްފަހުން. އޭނާއަށް ފެނޭ އަހަރެންގެ ކޮޓަރިއަށް ބޮޑުބޭބެ ވަންނަތަން ވެސް، އަދި ގޭގައި އުޅޭ އެހެން ފިރިހެނުން ވެސް… އަހަރެން ހީކުރީ އޭނާ އެކަން ހުއްޓުވާނޭކަމަށް. ނަމަވެސް އޭނާވީ ދެ ލޯކަނު ބީރު މީހަކަށް… އަހަރެން ވެސް ބޭނުމެއްނޫން ބޮޑުބޭބެ އަހަންނަށް އެކަހަލަ ކަންކަން ކުރާކަށް. އެކަމަކު އޭނާ އަހަންނަށް ފައިސާ ދޭ… އަހަރެން ބޭނުން ކަންކަން ކުރެވޭ… ފަހުން ބާރު އޮންނަނީ ވެސް އަހަރެންގެ އަތުގައި… ފައިސާ ނުދެނީސް އަހަރެންގެ ގައިގާ އަތްލިޔަކަ ނުދެން. އެހެން އުޅުމުގައި އަހަރެން ވެސް ހިތްހަމަޖެހޭ ކަމަކަށް އެކަންވީ… ކޮންމެ ފިރެހަނަކަށް ފެންނަނީ އަހަރެންގެ ހަށިގަނޑުކަމަށްވީތީ އެ ހަށިގަނޑުގެ ބޭނުން އަހަރެން ހިފީ ވިޔަފާރި މުދަލެއް ފަދައިން….އެވަރުން ވެސް ކިޔެވުން ދޫކޮށްނުލާން ހުއްޓާ ސްކޫލުން ކަނޑާލީ ބޭރަށް ފޮނުވާށޭ ކިޔާފައި ސްކޫލަށާއި މަށަށް ވެސް އޮޅުވާލައިގެން…”

“ދެން ހެޔޮ ރޭޝް… ދެން ހެޔޮ… ދުނިޔެއަކީ އަނިޔާވެރިތަނެކޭ އަހަރެން ބުނަނީ އެހެންވެ. އިންސާނުންނައް އޮތީ ކެތްތެރިވުން. ތި ހާލުގައި ރީން ބެލީ ކިހިނެއް؟”

“އެ ދޮންބައްޕަ މަރުވިފަހުން އަހަންނަށް ރީން ލިބުނީ. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ސަބަބު… އަހަރެންނަށް ވަދެވިފައި ހުރި ކަޅުއަނދިރިގަނޑުން ބޭރަށް ނުކުންނަން މަސައްކަތްކުރެވެންފެށުނީ އެ ލޯބިލޯބި ކުއްޖާ އަހަންނަށް ފެނުނު ދުވަހުން ފެށިގެން. މާލޭގައި ކުނިކޮންޓޭނަރެއް ކައިރީ ވިހާފައި އަތްދަބަހަކަށްލާ އެއްލާލާފައި އޮތް ތުއްތުކުއްޖަކު ފެނުނު ވާހަކަ އެއްދުވަސްވަރެއްގައި ދެކެވުނެއްނު… އެއީ މިގޭ ކައިރީ ހުރި ކުނިކޮންޓޭނަރެއް. ފިހާރައަށް ދާން ދިޔައިރު ކުޑަކުއްޖަކު ރޯއަޑުއިވިގެން އަހަރެން ގޮސް ބެލިއިރު އަތްދަބަހުގެ ތެރޭގައި ފޮތިގަނޑަކަށްލާފައި ރީތިކޮށް ބާއްވާލާފައި އޮއްވާ ފެނުނީ ކުޑަކުޑަ ކުއްޖެއް. ފެނިފައި ވެސް އެނގުނު އަދި ވިހޭތާ ގިނަ ދުވަހެއް ނުވާނޭކަން. އެހިނދުން ފެށިގެން އެކުއްޖާއަށް އަހަރެންގެ ހިތުގައި ދަރި ކުލުނު ޖެހިގެން ދިޔައީ… އެކުއްޖާ ގޮވައިގެން އަހަރެން އައީ ގެއަށް. ދުވަހަކު ވެސް ދަރިއަކު ބެލުމުގެ ތަޖުރިބާނެތުމުން ހަދާނޭގޮތެއް ނޭނގުނު. އޭރު މިގޭގައި ކުއްޔަށް އުޅުނު ޒުބޭދާ ކިޔާ ވަރަށް ރަނގަޅު އަންހެނެއް. އޭނާގެ ކުދިން ތިބޭނެ… އޭނާ ގާތަށް އަހަރެން ދިޔައީ… ކަމާބެހޭ ފަރާތްތަކަށް އެންގުމުން ސަރުކާރުން އެކުއްޖާ ހަވާލުކުރީ ކުޑަކުދިންގެ ހިޔާއާ… އަހަރެން ދެން މަސައްކަތްކުރީ ރީން ހޯދުމަށް. އަހަރެންގެ ދަރިއަކަށް އެކުއްޖާ ހެދުމަށް… ދެމަފިރިންނަށް ނޫނީ ސަރުކާރުން ކުދިންނެއް ހަވާލެއްނުކުރޭ. އެހެންވެ ނާޒިލުއާ ކައިވެނިކުރީ. އަހަރުމެން ދެމީހުން ރީން މިގެއަށް ގެނައީ. މި އިން އެއްވެސް ކަމެއް ރީންއަކަށް ނޭނގޭނެ. އެ ދަރިފުޅަށް މި ހަޤީޤަތް އެނގޭކަށް ވެސް ބޭނުމެއްނޫން. އަހަރެން ވެސް ނާޒިލު ވެސް ރީން ގާތު ބުނިހާ ވެސް ވާހަކައަކީ ރީން ގެނައި ކުޑަކުދިންގެ ހިޔާއިންކަން. އެތަނުންކަން އަހަންނަށް ރީން ފެނުނީ…. ތަހުސީނު… ދުވަހަކު ވެސް މި ވާހަކަތައް ރީންއަށް ކިޔައިނުދޭނަންކަމަށް ވަޢުދުވޭ… އެ ދަރިފުޅުގެ ހިތް ކުދިކުދިވެދާނެ މި ވާހަކަތައް އަޑުއަހަންވެއްޖެނަމަ…. އަހަރެން ރީން ގެނައީ އެ ދަރިފުޅު ދެރަވާވަރުގެ ކަމެއް ދުވަހަކު ވެސް ނުކުރާނަންކަމަށް ވަޢުދުވަމުން. ދުނިޔޭގެ ހުރިހާ އުފަލެއް އެ ދަރިފުޅަށް ހޯދައިދޭން އަޒުމް ކަނޑައަޅައިގެން… އެ ދަރިފުޅުގެ މައިންބަފައިން އޭނާ އެއްލާލީ ބޭނުންނެތިގެން ކަމަށްވިޔަސް، އަހަރެން އެ ދަރިފުޅު އިންތިހާއަށް ބޭނުން. މިއަދާ ހަމައަށް އެ ދަރިފުޅުގެ މަންމަ އާއި ބައްޕައަކީ ވެސް އަހަރެން… އަހަރެން ދުވަހަކު ވެސް އެ ދަރިފުޅު ބޭނުންނެތިގެން ދޫކޮށެއްނުލާނަން…”

ރޭޝްމާގެ ކޯތާފަތުގައި ދެއަތްތިލަ ޖައްސާލުމާއެކު އޭނާގެ ނިތްކުރީގައި ތަހުސީނު ބޮސްދިނެވެ. އަދި ރޭޝްމާގެ ދެއަތްތިލާގައި ހިފާލީ އޭނާގެ އަތުގައި އޮތް ކޮފީޖޯޑު ނަގާ މޭޒުމަތީގައި ބަހައްޓާފައެވެ. އެ ދެއަތަށް ބާރުކޮށްލުމާއެކު ތަހުސީނު ހިނިތުންވެލިއެވެ.

“އަހަރެން މާލެ އަންނައިރަށް ރަންކިޔަން ރޭޝް ތައްޔާރުވޭ…. ރޭޝްއަށްވުރެ ރަނގަޅު މަންމައަކު ރީންއަކަށް ނުލިބޭނެ. އަދި ތިފަދަ އަންހެނަކު އަހަރެންގެ އަނތްބަކަށް ހަދާކަށް ޖެހިލުމެއްނުވޭ. މުޅި ދުނިޔެ ތި ދެމައިންނާ ދެކޮޅަށް ތެދުވިޔަސް އަހަރެން ހުންނާނީ ރޭޝްއާއެކު…. އަދި ރޭޝްގެ ދަރިފުޅާއެކު… ތި ދެމައިން ހިމާޔަތްކުރާނޭހާ ބާރު ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ބުރަކަށީގައި އަދި އެބަހުރި”

ބާރުއަޑަކާއެކު އިވިގެން ދިޔަ ގިސްލުމުގެ އަޑުން ތަހުސީނާއި ރޭޝްމާ ސިއްސުވާލިއެވެ. ދެ މީހުންނަށް އެއްފަހަރާ ފަހަތަށް ބަލާލެވުނީ އަޑު އައި ދިމާލަށެވެ. ދެ ކަކޫ މައްޗަށް ތިރިވެ އިން ޒޫރިން ދެއަތުން އަނގައިގައި އަޅާ ބާރުކުރަމުން ދިޔަތަން ފެނުނެވެ. އޭރު އެ ދެ ލޮލުން ހިފެހެއްޓިމެއްނެތި ކަރުނަ އަންނަނީއެވެ. ހުއްޓުން އަރާފައި ހުރުމުގެ ބަދަލުގައި ރޭޝްމާއަށް ހަލުވިކޮށް އައިސް ޒޫރިންގެ ގާތުގައި ކަކޫޖަހާލެވުނެވެ.

“ރީން…” ރޭޝްމާގެ އަޑާއެކު ޒޫރިންގެ އަޑުފަޅައިގެން ދިޔައެވެ. ދެއަތްތިލައިގެ ތެރެއިން ބޭރުވެގެން ދިޔަ ބާރުއަޑާއެކު ޒޫރިންގެ ރުއިމުގެ އަޑުން ރޭގަނޑުގެ ހަމަހިމޭންކަން ފޫއަޅުވާލިއެވެ. ބާރަށް ރޮމުން ދިޔަ ޒޫރިން ލޯބިން ރޭޝްމާގެ ބޮލާއި މޫނުގައި ފިރުމަމުން ދިޔައެވެ. އެމަންޒަރު ތަހުސީނުގެ ހިތް ރޮއްވާލިއެވެ. ދެ ލޯ ތެމި ކަރުނައިގެ ތެތްކަން ކޯތާފަތުން އިހުސާސްވުމާއެކު އަވަސް އަވަހަށް ތަހުސީނު ލޯ ފުހެލިއެވެ. އެހެންނަމަވެސް ރޭޝްމާ އާއި ޒޫރިންގެ ގާތަށް އަންނާކަށް އޭނާގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ބާރަށް ރޮމުން ދިޔަ ޒޫރިންގެ ލޮލުންނާއި އޭނާގެ ހަރަކާތްތަކުން ހާމަވަމުން ދިޔައީ ދަރިއެއްގެ ހިތުގައި އޭނާގެ މައިމީހާއަށްޓަކައި ދެވިފައިވާ ލޯތްބާއި ޤަދަރެވެ. ރޭޝްމާގެ ގައިގާ އޮޅުލަމުން ޒޫރިން ރޯއިރު ހީވަނީ މައިމީހާއާ ދަރިފުޅު ދުރުކޮށްނުލާން ބުނަމުން ދާހެނެވެ.

މުޅި ދުނިޔެއަށް ފަޟީޙަތްވުމުން ގަންނާނޭ ލަދަށްވުރެ ބޮޑަށް މިއަދު ރޭޝްމާ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ގަތް ލަދު އެތައްގުނައެއް ބޮޑެވެ. މުޅި އުމުރަށް ސިއްރުކުރަން ނިންމައިގެން ހުރި ހުރިހާ ކަމެއްގެ ހަޤީޤަތް ޒޫރިންގެ ކުރިމަތީ ހާމަވެ ނިމުނީއެވެ. އިތުރަށް ފޮރުވައި ސިއްރުކުރާނޭ ވާހަކައެއް ރޭޝްމާގެ ނެތެވެ. އަނގައިން ބަހެއް ވެސް ނުބުނެވުނީ އެހެންވެއެވެ. ކުށްވެރިއަކު ފަދައިން އިސްޖަހާލައިގެން އިނދެ ރޭޝްމާ ރޮމުން ދިޔައެވެ. ގިސްލުމާއިއެކު ދެމައިންގެ ރުއިމުގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ.

“މަން…މާ… މަންމާ….” ރޮމުން ރޮމުން ޒޫރިން ވާހަކަދެއްކޭތޯ އުޅުނެވެ. އެހިނދު ޒޫރިންގެ އަނގައިގާ ރޭޝްމާ އަތްއެޅީ އެ ދަރިފުޅު ބުނަން އުޅޭ އެއްޗެއް އަޑުއަހަން ހިތްބިރުގެންފައި އިންވަރުންނެވެ.

“މާފުކުރޭ… މަންމައަށް މާފުކުރޭ… މާފުކުރޭ…” ޒޫރިންގެ ގައިގާ އޮޅުލައިގަތުމާއެކު ރޭޝްމާއަށް އަސަރާއެކު ބުނެވުނެވެ.

އެތައް އިރެއް ވަންދެން ދެމައިން އޮޅުލައޮޅުލާފައި ރޮމުން ދިޔަ މަންޒަރު ބަލަން ތަހުސީނު ދުރުގައި ހުއްޓެވެ. ޒޫރިން ހަމައަކަށް އެޅުމުން އޭނާ އަތުލަފިކޮށްލައިގެން ރޭޝްމާ އެތެރެއަށް ގޮސް ގެއްލުނީ ވެސް ތަހުސީނު ހަރަކާތެއްކޮށްނުލާ ހުއްޓައެވެ. ލޯ މަތިން ރޭޝްމާ ގެއްލުމާއެކު ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލުމާއެކު ދެން ފެނުނީ ތަހުސީނަށް ރޮވުނުތަނެވެ. ހަމައެހާ އަވަހަށް އޭނާ ދެ ލޮލާއި މޫނުގައި ދެއަތްތިލަ ހާކާލުމާއެކު ރޯކަމުގެ އަސަރު ފިލުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް ދެ ލޮލަށް ކަރުނަ ބޮނޑިވަމުން އައީ ތަހުސީނުގެ އިޚުތިޔާރަކާ ނުލައެވެ. ޓެރެސްގެ ފާރުބުރީގައި އަތްއަޅުވާލުމާއެކު ދުރަށް ފެތުރިފައި އޮތް އަނދިރިކަމުގެ ތެރެއަށް ތަހުސީނުގެ ކަރުނުން ފުރިފައިވާ ލޯ ހުއްޓާލިއެވެ. އޭނާގެ ހިތަށް ވެސް ވަރަށް އަސަރުކޮށްފިއެވެ. ރޭޝްމާ ފަދަ ކޮންމެ އަންހެނަކު އަނދިރިކަމުން ނެރުމަށްޓަކައި ތަހުސީނު ފަދަ އޯގާތެރި ދުރުވިސްނޭ ފިރިހެނަކު ބޭނުންވާނޭކަން ޔަޤީނެވެ. މިއަދު ރޭޝްމާގެ ހުރިހާ ހިތްވަރަކާއި އުންމީދެއް ގުޅިފައިވަނީ ތަހުސީނާއެވެ. މުޖުތަމަޢުގައި ސިއްރުން ނަމަވެސް ކުރެވެމުން އަންނަ ހަށިވިއްކުމުގެ ނުބައިކަމުން މިއަދު އެކަކު ސަލާމަތްވެއްޖެއެވެ. އެއީ ވެސް ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ މިންވަރުފުޅެވެ. ރޭޝްމާގެ ނަފްސު އަލިފާނުން ސަލާމަތްކުރުމަށް އެކަލާނގެ މިންވަރު ކުރެއްވީ ތުއްތު ނަފްސަކާއި ހަޔާތުގެ އެކަނިވެރިކަން ފިލުވާދޭނޭ ބައިވެރިއެކެވެ. ރޭޝްމާ މަންމައަކަށް ވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. އަދި މިއަދު އޭނާ އެ އިނީ މީހެއްގެ އަނތްބަކަށްވުމަށް ތައްޔާރުވެއެވެ. އަންހެނަކަށް މިއަށްވުރެ ބޮޑު ރަޙުމަތަކާއި ނިއުމަތެއް ނުލިބޭނެއެވެ.

ވަރުބަލިވެގެން ގޮސް ދެ ލޯ މެރި ނިދީގެތެރެއަށް ވަދެ އޮތް ދަރިފުޅަށް ރޭޝްމާ ބަލަހައްޓައިގެން އިނެވެ. އޭރު ވެސް އޭނާއަށް ރޮވެނީއެވެ. ޒޫރިންގެ ދުޅަވެފައި އޮތް ދެ ފައިތިލާގައި ބޮސްދެމުން ނިތްކުރި ޖައްސާލި ގޮތަށް ސައިލެއް ފަދައިން ދެލޮލުން ކަރުނަތައް ފައިބަންފެށިއެވެ. ލަދުވެތިކަން އިންތިހާއަށް ގޮސްފައިވާ ހާލު ދަރިފުޅުގެ ދެފައިތިލައިގައި ހިފާލައިގެން ރޭޝްމާއަށް އިނދެވުނީ މާފު ހައްޤުނުވާވަރުގެ ކުށެއްކުރެވިއްޖެ ކަމުގެ އިހުސާސްއާއެކުއެވެ.

“މަންމާ… ދެން ނުރޮއެ… ދެން ނުރޮއެ… މީހަކު އެއްލާލާފައި އޮއްވައި ނަގައިގެން ގެނެސް އަމިއްލަ ދަރިއަކު ފަދައިން އަޅުގަނޑު ގެންގުޅެ، ކާންދީ، ބޯންދީ… ކިޔަވައިދީ… އަޅުގަނޑު ބޭނުންވި ކޮންމެ ކަމެއް ކޮށްދިން އިރު ތި މަންމައަށް ދަރަނިވެރިވެފައި ވަނީ އަޅުގަނޑު… ދުވަހަކުވެސް މަންމަ އަޅުގަނޑުގެ ގާތުން މާފަށް އެދޭވަރުކަމެއް ނޯންނާނެ…” ރޭޝްމާގެ ރުއިމުގެ އަޑާއި ފައިތިލަ ތެމެމުން ދިޔަ ކަމުގެ އިހުސާސްއާއެކު ހޭލެވުނު ޒޫރިން ވާހަކަދައްކަން ފެށިއެވެ. އަދި އުނދަގުލުން ތެދުވެ ދެފައި އެލުވާލައިގެން އެނދުގެ މަގަތުގައި އިށީނެވެ.

“މަންމައަށް އުޅެވުނު ގޮތާ މެދު ވަރަށް ލަދުވެތިވަން….” އިހުނަށްވުރެ ބޮޑަށް އިސްޖަހާލެވުމާއެކު ރޭޝްމާ އެއްއަތުން ދެ ލޯ ފޮރުވާލިއެވެ.

“މަންމާ! އަޅުގަނޑު ވެސް އުޅެވުނު ގޮތާ މެދު ވަރަށް ލަދުގަނޭ…. ފަހަރެއްގައި ވެސް މަންމަ އަޅުގަނޑަށް ދަހެއް ނުކޮށްދޭ އެ ފަދަ އުޅުމެއް އުޅޭކަށް… އެކަހަލަ މުޑުދާރު ޢަމަލެއް ހިންގަން އެއްފަހަރު ވެސް އަޅުގަނޑަށް ހިތްވަރެއް ނުދޭ…. މަންމަ ދެރަނުވޭ… ރީން އަބަދުވެސް ހުންނާނީ މަންމައާއެކު. ބުނީމެއްނު ކޮންމެ ކަމަކާ އަޅުގަނޑު ކުރިމަތިލާން ޖެހުނަސް އެންމެ ގާތުގައި މަންމަ ހުންނާނަމޭ. މިއަދު އަޅުގަނޑު ވެސް މަންމައަށް ވަޢުދުވަން… ކޮންމެ ހާލެއްގައި ވިޔަސް މަންމައާއެކު އަޅުގަނޑު ހުންނާނަންކަން….. ޕްލީޒް… ދެން ނުރޮއެ މަންމާ…. އަޅުގަނޑު އެއްވެސް ކަމަކަށްވުރެ ބޮޑަށް ދެރަވޭ މަންމަ ރޯތަންފެނުނީމާ. މަންމާ! މަންމަ އަޅުގަނޑާ މެދު ނުވިސްނާ… އަޅުގަނޑު ވަރަށް ހިތްވަރު ގަދަވާނެ… އަޅުގަނޑަށް މިހެން ދިމާވާންޖެހުނީ މަންމައާ ހެދިއެއްނޫން. މީ އަޅުގަނޑު އަމިއްލައަށް ލިބިގަތްކަމެއް…. އަޅުގަނޑު ވެސް ބޭނުން މަންމަ ތަހުސީނު ބޭބެއާ ކައިވެނިކުރަން. އެއީ ވަރަށް ރަނގަޅު މީހެއް…. އެފަދަ ރަނގަޅު ފިރިހެނުން ލިބޭނީ ނަސީބުވެރިންނަށް… މަންމައަކީ ގޯސް މީހެއްނަމަ ތަހުސީނު ބޭބެ ފަދަ ރަނގަޅު މީހަކު މަންމަގެ ހަޔާތަކަށް ނައީސް… ރަނގަޅު މީހުންނަށް ރަނގަޅު ގޮތް ﷲ މިންވަރުކުރައްވާ…. ނޫންތަ މަންމާ… އަޅުގަނޑަށް އެނގޭ ދެން ދުވަހަކު ވެސް އެކަހަލަ ކަމެއް މަންމަ ނުކުރާނެކަން، އަޅުގަނޑު ވެސް މަންމަ ލަދުގަނެ ރޯންޖެހޭވަރު ކަމެއް އިރާދަކުރެއްވިއްޔާ ނުކުރާނަން…އެކަމަކު މިފަހަރު މާފުކޮށްދީ…” ރޭޝްމާގެ ކޯތާފަތުގައި ދެއަތްތިލަ ޖައްސާލި ގޮތަށް ޒޫރިން އޭނާއާ ދިމާއަށް ރޭޝްމާގެ މޫނު އުފުލާލިއެވެ.

ދެމައިން އެކަކު އަނެކަކަށް ހިތްވަރު ދިނެވެ. އޯގާތެރި ބަސްތަކުން ދެ ހިތަށް ފިނިކަން ހޯދަމުން ދިޔައެވެ. ރޭޝްމާ އާއި ޒޫރިންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވިއެވެ. ރޭޝްމާ އެރޭ ހަތަރުދަން ހޭދަކުރީ ޒޫރިންގެ ކޮޓަރީގައެވެ. އެނދުގައި އޮށޯވެލައިގެން ދަރިފުޅުގެ ގައިގާ ފިރުމާލަ ފިރުމާލާ އޮތެވެ. ޒޫރިން އެކަނި ބާއްވާފައި ތަހުސީނު ކޮބާތޯ ބަލާލަން ދާން ވެސް ނުކެރިފައެވެ. އެހެންނަމަވެސް މިރޭ ރޭޝްމާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އިތުރަށް ދަރިފުޅަށް ސިއްރުކުރާނޭ ކަމެއް ނެތުމުންނެވެ. ހަޤީޤަތް އެނގުމުން ވެސް އެ ދަރިފުޅު ރޭޝްމާއަށް ހިތްވަރު ދިނުމުންނެވެ. އުންމީދުކުރި ގޮތާއި ޚިލާފަށް ޒޫރިންވީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށެވެ. އަމިއްލަ ހިތާމަތަކަށްވުރެ އޭނާ ރޭޝްމާއަށް ހިތްހަމަޖެހުން ހޯދައިދޭން އަވަސްވިކަން ޚުދު ރޭޝްމާއަށް އެނގެއެވެ.

ރޭގަނޑުގެ އަނދިރިކަން ނެތިކުރަމުން އަރައިގެން އައި އިރުގެ ރަން ދޯދިތައް ދޮރުފަތިތަކުގެ ދޭތެރެއިން ފާޅުވަމުން ދިޔައެވެ. ފަތިސް ނަމާދުކޮށްލައިގެން އެނދުގައި އޮށޯތެއްކަމަކު ޒޫރިންއަކަށް ނުނިދުނެވެ. އޭނާ ރޭޝްމާއަށް ހާމަ ނުކުރިއެއްކަމަކު އަމިއްލަ މައިންބަފައިންނާ މެދު ވިސްނިއެވެ. ރޭޝްމާއަށް ހިތުގެ އަޑިން ޝުކުރުވެރިވާއިރު އޭނާ ނުބަލާން އެއްލާލި މައިންބަފައިންނަށް ޝަކުވާކުރިއެވެ. ހަމައެއާއެކު އަމިއްލަ ބަނޑުގައިވާ ދަރިފުޅާ މެދު ޒޫރިންއަށް ވިސްނެން ފެށުނެވެ. ފުރަތަމަ އޭނާ ވެސް އެ ދަރިފުޅު ބޭނުންނުވެގެން އުޅުނެވެ. އީތަން އެނބުރި ނާންނާނޭކަން އެނގުމުން އޭނާގެ ފަރާތުން ލިބުނު ލޯބީގެ ހަދިޔާއިން މިންޖުވާން ބޭނުންވީއެވެ. ނަމަވެސް މިހާރު ޒޫރިންގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. އޭނާ އެއްވެސް ކަމަކަށް އިންތިޒާރު ނުކުރާވަރަށް ބަނޑުގައިވާ ދަރިފުޅާ ބައްދަލުކުރަން އިންތިޒާރު ކުރެއެވެ.

ހެނދުނުގެ ސައިތައްޔާރުކޮށްފައި ރޭޝްމާ ބަދިގެ ފަރާތުން ނުކުން އިރު ޓީވީގެ ރިމޯޓު މޭމަތީ ބާއްވާލައިގެން ސޯފާގައި ތަހުސީނު އޮތީ ދިވެހި ޗެނަލެއް ބަލާށެވެ. އޭރު ސޯފާ ކައިރީ ހުރި ކުޑަ ބިއްލޫރި މޭޒުމަތީ ކޮފީ ހުސްކޮށްފައި ހުރި މަގު ބަހައްޓާފައި ހުއްޓެވެ. ރޭޝްމާ އައިސް އެ މަގު ނަގަމުން ސައިބޯން އަންނަން ތަހުސީނުގެ ގާތުގައި ބުނެލިއެވެ.

“ރީން ގޮވައިގެން އަންނަންތަ؟ އެންމެން އެކީގައެއްނު ސައިބޯނީ…” ސޯފާއިން ތެދުވަމުން ތަހުސީނު ބުނެލިއެވެ. އެއާއެކު ރޭޝްމާ އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ.

ތަހުސީނުގެ އެހީގައި ޒޫރިން ބަދިގެއަށް އައިސް ވަނެވެ. އެހިނދު ރޭޝްމާ ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި ޒޫރިން ބައިންދަން އަވަސްވެގަތެވެ. އިތުރު ކަމަކަށް އެނބުރިލީ ވެސް ޒޫރިން ރަނގަޅަށް ހަމަޖެހިލުމުންނެވެ. ބަލިވެ އިނުމާއެކު ކާހިތް މުޅިން ކެނޑިފައިވާ ޒޫރިންއަށް ކެވުނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ކިރުތަށި ބޯލިއެވެ. އަދި ޑޮކްޓަރު ދެއްވާފައި ހުރި ބޭސްތަކުން ހެނދުނު ކާންޖެހޭ ބޭސްތައް ރޭޝްމާ ވަކިކޮށްދީފައި ޒޫރިންއަށް ދިނުމުން އެ ކާލައިގެން އޭނާ ނުކުމެ އިނީ ސިޓީންރޫމު ސޯފާގައެވެ.

“ރޭޝް… މިއަދު ހަވީރަށް ޓިކެޓު ހަމަޖެހޭގޮތަށް އޮތީ. އެކަމަކު ރޭޝް ބުނެފިއްޔާ އަހަރެން އިހަށް މަޑުކޮށްލަން ގަސްދުކުރަން” ރޭޝްމާ އާއި ތަހުސީނު އެކަނިވުމުން ތަހުސީނު އިސްވެ ވާހަކަފެށިއެވެ.

“މިހާރު ތިކަން ތިއޮތީ މާބޮޑަށް ވެސް ލަސްވެފައި… ދެން އިތުރަށް ލަސްކުރާކަށް އަހަރެން ނުބުނާނަން. އަހަންނަށް ރަނގަޅީ ވީހާ ވެސް އަވަހަކަށް ފަރިޔާލުގެ ޚަބަރު ތަހުސީނު ބެލިއްޔާ… ކަމެއް ބޭނުންވިޔަސް ވާނީ ރީންއަށް. އެކަމުގައި އަހަންނަށް އެހީވާން ނާޒިލު ވެސް ހުންނާނެއެއްނު”

“އާން! ތި ދެމައިން ނާޒިލުއާ ހަވާލުކުރާކަށް އަހަރެން ޖެހިލުމެއްނުވޭ. އެހެންވީމަ އަހަރެން ޓިކެޓު ކޮންފާމްކުރާނަން. އިހަށް ގެއަށް ގޮސްލާފައި މަންމަމެންނަށް ފުރަން އުޅޭކަން އަންގާލާފައި އަންނާނަން. ފަރިޔާލު ހޯދަންކަން ދަނީ ނުބުންޏަސް ފުރަން އުޅޭ ވާހަކަ ބުނަން ވާނެއެއްނު ދޯ… ހަވީރު ފުރަން ދިއުމުގެ ކުރިން އަހަރެން މިގެއަށް އަންނާނަން. މިގޭގައި އިނދެފައި ހުޅުލެއަށް ދާނީ”

“އެހެންވީރު މިކޮޅުން ސައިބޮއެގެން ދޯ ދާނީ. ތަހުސީނު ހުރީ ވިއްޔާ ރީންއަށް ވެސް އެއްޗެއް ދޭން ފަސޭހަވާނެ. އެހެންނޫނީ އަބަދު އުޅޭނީ ހޮޑުލެވިދާނޭތީ ނުކާން”

“އާން! ސައި ހަދާފައި ބަހައްޓާ. އަހަރެން ދާނީ ރީންއަށް ސައި ދީފައި”

ސައިބޮއެގެން ނުކުމެ ތަހުސީނު މާގިނައިރަކު ރޭޝްމާމެން ގެއަކު ނީނދެއެވެ. އޭނާ ކާރުގައި އަމިއްލަ ގެއަށް މިސްރާބު ޖެހިއެވެ. ގެއަށް ދިޔަ މަގުމަތީ ތަހުސީނު ދިޔައީ ޓިކެޓު ވެސް ނަގައިގެންނެވެ. ގަރާޖަށް ކާރު ލާފައި ގޭގެ މީހުން ދިރިއުޅޭ ބަޔަށް ނުކުމެވެން ހުރި ދޮރުން ގޯޅިގަނޑަށް ނުކުން ވަގުތު ތަހުސީނުގެ ކުރިމައްޗަށްވާގޮތަށް ހުއްޓިލައިގެން ތިބިތަން ފެނުނީ ޝައުން އާއި އީތަންއެވެ. އެ ދެމީހުންނަށް ވެސް ތަހުސީނު ފެނި ސިހުން ލިބިގެންދިޔައެވެ. އަވަސްއަވަހަށް އިސްޖަހާލިއެއްކަމަކު ތަހުސީނަށް އެ ދެމީހުންގެ ހަރަކާތްތައް ފާހަގަކުރެވުނެވެ. ޝައުންގެ މޫނުމަތިން ހީވަނީ އީތަންގެ ކޮންމެވެސް ކަމަކާ ނުރުހިފައި ހުރި ހެންނެވެ. ދެ ޒުވާނުންނަށް ދެވަނަ ފަހަރަށް ތަހުސީނު ބަލާލުމުގެ ފުރުޞަތު ނުދީ ހަލުވިކޮށް ގޮސް ގޭޓުން މަގުމައްޗަށް ނުކުތެވެ. އިރުކޮޅަކު ގޭޓާ ދިމާއަށް ބަލަހައްޓައިގެން ތަހުސީނަށް މަޑުކޮށްލެވުނެވެ.

“އީތަންއަށް ވިސްނޭނީ ކޮންދުވަހަކުންބާ؟ އަހަންނަށް ވެސް ދަރިފުޅު ހޯދަން މިއުޅެވުނީ މާލަސްވިފަހުން. މިހާރު އެ ދަރިފުޅު ބޮޑުވެ ފުރިހަމަ ޒުވާނަކަށް ވެދާނޭކަން ޔަޤީން…. ރީންގެ ހިތާމަތަކަކީ އޭނާ އަދިވެސް އީތަންދެކެ ލޯބިވާކަމުގެ ހެއްކެއް… އަހަންނަށް ވެސް ރުޅި އައިސްފައި ހުރި ވަރުން އީތަންއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން. އޭނާއަށް ވިސްނައިދިނުމުން ފަހަރެއްގައި ޤަބޫލުކޮށްފާނެ. އީތަން ބޮޑުވަމުން އައީ އަހަރެންގެ ލޯ ކުރިމަތީގައި ކަހަލަ ގޮތަކަށް…. އޭނާއަކީ އަބަދުވެސް ޝައުންއާ ޚިލާފަށް ބަސްއަހާ ކުއްޖެއް. މީހުން ދޭ ނަޞޭޙަތް ނިކަން ފަސޭހައިން ބަލައިގަންނަ ކުއްޖެއް…. އީތަންގެ ހިތުގައި ޚާއްޞަމެއް ރީންއަށް ދެވިފައި ނުވާނަމަ އޭނާ އެ ފަދަ ގުޅުމެއް ރީންއާއެކު ނުހިންގީސްކަން ގައިމު… އަހަރެން ފަދައިން އީތަންވާކަށް ބޭނުމެއްނޫން… އަހަންނަށް ފަރިޔާލުގެ ގާތަށް ދިއުމަށް ހިތްވަރު މި ލިބުނީ މާފަހުން….”

އަމިއްލަ ޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައި ހުރެ އިސްތަށިގަނޑުގައި ތަހުސީނު އިނގިލިތައް ހިންގާލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި އެހެންނަމަވެސް ދޫ ހަރަކާތްނުކޮށް ހުރި މީހަކު ފަދައެވެ. ކުޑަ ހަރަކާތެއް ތުންފަތަށް ގެނައި ނަމަވެސް ތަހުސީނު ގޭޓާ ދިމާއަށް ދިއުމުގެ ބަދަލުގައި ގޭތެރެއަށް ހިނގައިގަތެވެ. މަންމަމެން އުޅޭ ބަޔަށް ވަދެވުމާއެކު އަބްދުއްސައްތާރު ހޯދަން އަވަސްވެގަތެވެ.

“އެއީ ކީއްކުރަން އެހިސާބަށް ދަނީ…” ފޮތްހަރުގަނޑަށް މަޖައްލާތަކެއް ލާން ހުރި ޒާހިރާއަށް ތަހުސީނު އޭނާގެ ބައްޕަ ގާތު ދެއްކި ވާހަކަ އަޑުއިވިގެން އަހާލިއެވެ.

“އެ ރަށް ބަލާލަން… ރައްޓެއްސަކު ވެސް ހުރީމައާއެކު…”

“ތި ރަށްރަށަށް ގޮސް ބަލައިގެން އުޅޭތި. ކޮން ދުވަހަކު ފުރަނީ” އަބްދުއްސައްތާރަށް އެއްޗެކޭ ނުބުނެވެނީސް ޒާހިރާ ބުނެލިއެވެ.

“މިއަދު ހަވީރު ފުރަން. ރަށުން ބޭރަށް ދާތީ ބައްޕަ އާއި މަންމަ ގާތު ބުނެލީ… އެކޮޅުގައި ވާނޭ ދުވަހެއް އަދި ނޭނގޭ. އަޅުގަނޑުގެ ފޯނަށް ގުޅޭނެ ހުރިހާ ވަގުތަކު… މިދަނީ ދަތުރަށް ތައްޔާރުވެލަން” އަބްދުއްސައްތާރު އާއި ޒާހިރާގެ ސުވާލުތައް ގިނަވެދާނޭހެން ހީވުމާއެކު އަވަސްއަވަހަށް ތަހުސީނު ބުނަންވާ އެއްޗެއް ބުނެލުމަށްފަހު އެމީހުންގެ ގާތުން ދިއުމަށް ތެދުވެގެން ހިނގައިގަތެވެ.

“އެ ދިޔައީނު… އަހަރުމެން ރަނގަޅު ނަޞޭޙަތެއް ދީފާނެތީވެ އެ ދިޔައީ. ރާއްޖެތެރެއަށް ފުރައިގެން ދާންއުޅޭއިރު ކާކާއެކު ކަން ދަނީ ބުނެލިނަމަ. އެބުނާ ރައްޓެއްސެއް ވެސް އަހަރުމެންނަށް އެނގެނީއެއްނޫން. ހުރުން ހަމަޖެހިފައި އޮތް ގޮތެއް ވެސް ނުބުންޏެއްނު…. ނުބުނާނެ… އަހަރުމެން ފާޑުކިޔާނޭކަން އެނގޭތީވެ އެ ނުބުނީ…” ޒާހިރާ ކުދިކިޔާ ފާޑަށް ޝަކުވާތައް އަމުނަމުން ދިޔައެވެ.

“ތަހުސީނު އެ ހުރީ މިހާރު އަހަރުމެންގެ އަތްފޯރާ ފަށުން ވީއްލިފައި… އަދިވެސް ޒާހިރާގެ ތިހުންނަނީ އެ ސޮރު ހައްޔަރުކޮށްގެން ގެންގުޅޭ ވިސްނުން. އޭނާ ދާހިތްވާ ތަނަކަށް އަހަރުމެން ނުދާށޭ ބުންޏަސް ދާނެ. ޝުކުރުކުރަން އެހެން ދާއިރު ބުނެލާކަމަށްޓަކައި ވެސް… އޭނާ އަހަރުމެންނާ އެ ވާހަކަދައްކަނީ އަހަރުމެންނަކީ އޭނާގެ މައިންބަފައިންނަށްވީމަ. ކޮންމެ ގޮތެއްވިޔަސް މައިންބަފައިންނާ ގުޅުން ކަނޑާނުލެވޭނެތީވެ. އަހަރެން ހީކުރީ އޭނާ ކިޔަވަން ފޮނުވާލީމާ އޭރު އެ ހިނގިކަންތައްގަނޑު މަތިން ހަނދާންނެތިދާނޭކަމަށް”

“އެހެންވެގެންނޭ އަހަރެން އަދިވެސް ތަހުސީނު އުޅޭ ނޫޅޭގޮތް ބަލަން ޖެހެނީ… ތި ރަށަކަށް ގޮސް އަންނައިރު އަންހެނަކު ގޮވައިގެން އަތުވެއްޖެއްޔާ ކަންތަކާ ޖެހުނީނު” އުނަގަނޑާ ދިމާލުގައި އަތްވިދެލާފައި ޒާހިރާ ބުނެލިއެވެ.

“އަހަރެން އެއަށްވުރެ މާކަންބޮޑުވޭ ތަހުސީނުގެ އުމުރު އެގޮތަށް އެކަނިމާއެކަނި ހުރެ ދުއްވާލާފާނޭތީ” އަބްދުއްސައްތާރު މިހެން ބުނުމުން އިތުރަށް ޒާހިރާ ބުނަން އުޅުނު ލަފުޒުތައް ދިރުވާލައިގެން ހަނު ހުއްޓެވެ. އަދި ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދިޔައެވެ. އޭރު ވެސް މޫނުމަތިން މުޅިއަކުން ހަމަޖެހިފައި ހުރިކަމަކަށް ނުދައްކައެވެ.

ރޭޝްމާ އާއި ޒޫރިންއާ ބައްދަލުކޮށްފައި ތަހުސީނު ނުކުމެ ނާޒިލުގެ ކާރަށް އެރިއެވެ. ހުޅުލެއަށް ދިއުމަށް ދިޔަ މަގުމަތީ ތަހުސީނު ވަރަށް ގިނަ ވާހަކަ ނާޒިލުއާ ދެއްކިއެވެ. ރޭޝްމާ އާއި ޒޫރިންއަށް ޖެހޭ ކޮންމެ ކަމެއް ކޮށްދިނުމަށް އޭނާ އެދުނެވެ. އެހެންނަމަވެސް އޭނާ ފުރައިގެން ދާ ސަބަބެއް ނާޒިލަކަށް ތަހުސީނު ހާމައެއް ނުކުރިއެވެ. ރޭޝްމާ ވެސް ނާޒިލުގެ ގާތުގައި ތަހުސީނުގެ ސިއްރު ހާމައެއް ނުކުރިއެވެ.

“ހާސްނުވޭ، އަހަރެން ހުންނާނަން… އޯކޭ…” ފެރީއަށް ތަހުސީނު އެރުމުގެ ކުރިން އެންމެ ފަހު ވާހަކައަކަށް ނާޒިލު ބުނެލިއެވެ. އެއާއެކު ތަހުސީނު އާއި ނާޒިލު ސަލާމްކޮށްލިއެވެ. ދޮށިގަނޑުމަތީ ނާޒިލު މަޑުކޮށްލައިގެން ހުއްޓާ ތަހުސީނު އޭނާގެ ދަބަސް ފަޅުވެރިކުއްޖަކާ ހަވާލުކޮށްފައި ފެރީއަށް އަރައިފިއެވެ.

ފްލައިޓުގައި ހޭދަވެގެން ދިޔަ ވަގުތު ތަހުސީނަށްވީ އޭނާގެ އުމުރުގައި ވެސް ހޭދަކުރެވުނު އެންމެ ގިނަ ވަގުތުކަމުގައެވެ. ބާރަށް ތެޅެމުންދިޔަ ހިތުގެ ހިނގުން ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުންދާތީވެ ދޭތެރެއަކުން މޭގައި ފިރުމާލައެވެ. ތުނިތުނިކޮށް ހުރި މަތިމަހާއި ތުނބުޅީގައި ވެސް އަތްހާކާލެވެއެވެ. ހަނިމާދޫ އެއަރޕޯޓުގެ ޓާމިނަލް އިން ނުކުމެވުމާއެކު ތަހުސީނު އަވަސްވެގަތީ ހަމަޖައްސާފައި އޮތް ލާންޗުގެ ވެރި ފަރާތާ ގުޅާށެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ މީހުންގެ ތެރެއިން ނުކުމެގެން ފާލަމާ ދިމާއަށް ތަހުސީނު އައެވެ. ގިނައިރެއް ނުވެ ލާންޗުގެ ވެރިފަރާތާ ބައްދަލުވެ ށ.މަރޮށީއަށް ދާން ދަތުރު ފެށިއެވެ.

ރަށަށް އާދެވުނު އިރު އިރުއޮއްސިއްޖެއެވެ. ރައްޓެއްސެއް މެދުވެރިވެގެން ތަހުސީނަށް މަރޮށިން ހުންނާނޭތަން ވެސް ހަމަޖައްސައިދިނީ ލާންޗުގެ ވެރިޔާ ވާހިދުއެވެ. އޭނާއަކީ އަތޮޅުތެރޭގައި ލާންޗުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެކެވެ. އެހާ އަވަހަށް ތަހުސީނަށް އާދެވޭގޮތް މެދުވެރިވީ އެހެންވެއެވެ. ވާހިދު ހަނިމާދޫއަށް ދަތުރެއް އަޅަން ހަމަޖެހިފައި އޮތްކަން ރަޙުމަތްތެރިޔާގެ ފަރާތުން ތަހުސީނަށް އެނގިގެންނެވެ.

“މިގޭ ބޭބެ ފިޔަވައި އިތުރު މީހަކު ނޫޅޭނެ. ކިޔާނީ އަބްދުﷲ… ބޭބެގެ ދަރިއެއް އަންނާނެ މިގެއަށް ކައްކަން. އެހެންވީމަ ކާން ހުންނާނެ ތަހުސީނަށް ވެސް. އަހަރެން އޮންނާނީ އެމީހުންނަށް އަންގާފައި ތަހުސީނު އަންނަ ވާހަކަ” ރަށުތެރެއަށް އަރައިގެން ދަމުން ވާހިދު އޮޅުން ފިލުވައިދެމުން ދިޔައެވެ. ނަމަވެސް ތަހުސީނު ހުރީ ހާސްވެފައި ހުރި ހެންނެވެ.

“ވާހިދު! މި ރަށުގައި އުޅޭތަ މުޖުރާ… މުޖުރާ މުޙައްމައިދީ… އެ ކަހަލަ ނަމެއް ކިޔާ މީހަކު” ދެ ފަރާތުން ފެންނަން ފެށި ގެތަކަށް ބަލަމުން ތަހުސީނު އަހާލިއެވެ.

“ތިޔަކަހަލަ ނަމެއް އަޑުއަހަން. ހީވަނީ ބައްޕާމެންނަށް އެނގޭނޭހެން… މިރަށުގައި ބޮޑުބެރަށް މަރުދޭ މީހަކު އުޅުނު މުޖުރާ ކިޔާ މީހެއް. ނިކަން ނަލަ ވާނެ ލަވަކިޔާލަން… އަހަރުމެން އޭރު ކިރިޔާ ހަނދާންހުންނަނީ”

“އޭނާގެ ގެ ހުންނަތަން އެނގޭތަ؟” ތަހުސީނު މިހެން ބުނުމުން ވާހިދު ބަލާލިއެވެ. ތަހުސީނު އެރަށަށް އައި ހަޤީޤީ ބޭނުމަކީ މުޖުރާބެއާ ބައްދަލުކުރުން ކަމުގައި ވާހިދަށް ވިސްނުނީ ކަހަލައެވެ.

“އަބްދުﷲބޭމެންގެއަށް ދަބަސްލާފައި އަހަރުމެން ގޭދޮށަށް ދާނީ. މިރޭ ކާންވާނީ އަހަރުމެންގެ ގޯތިން. މިގަޑީގައި ބައްޕަވާނީ މިސްކިތްދޮށުގައި… އިޝާ ނަމާދަށްފަހު ގެއަށް އަންނާނީ. ތަހުސީނު ތި ހޯދާ މުޖުރާބެއަކީ ކާކުކަން ބައްޕައަށް އެނގޭނެ ކިޔައިދޭން. މިހާރު އަޑެއް ނީވޭ އެ ނަން ބޭނުންކުރާ އަޑެއް. އަހަރުމެން ދުށް މީހާ މިހާރު ދުނިޔެއަކު ވެސް ނެތް” ވާހިދު ބުންޏެވެ. ތަހުސީނަށް ވެސް އެނގޭގޮތުގައި ފަރިޔާލުގެ ބައްޕަ ދުނިޔެއަކު ނެތެވެ. އެހެންނަމަވެސް އެކަން ވާހިދަކަށް އޭނާ ހާމައެއް ނުކުރެއެވެ.

ރަށުތެރެއަށް އެރުނީ އިރުއޮއްސި އަނދިރިވީފަހުން ކަމަކަށް ވާތީ ތަހުސީނަށް ދަންދޮރުވަކިވާގޮތެއް ނުވިއެވެ. އެ ރަށަށް އޭނާ އެރީ އަލަށެވެ. އެހެންވެ ރޯމާދުވާލުގައި ރަށުގެ މަގުތަކާއި ގެތައް އެނގޭނޭ ވަރަކަށް އަނދިރީގައި އެކަން ކުރުން ފަސޭހަކަމަކަށް ނުވިއެވެ. ދަބަސް ބަހައްޓަން ބުނި ގޭގައި ތަހުސީނަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރީގައި ދަބަސް ބަހައްޓާފައި ވާހިދުއާއެކު ތަހުސީނު އެމީހުންގެ ގެއަށް އައެވެ. ގޭގެ ވަކި ހިސާބަކަށް ވަދެވުނު ތަނާ ގޯތިތެރޭ ބަހައްޓާފައި ހުރި ހަ މީހުންނަށް އިށީނދެވޭނޭ ޖޯލިފައްޗެއް ފެނުނެވެ. އެތަނުގައި އިށީނުމަށް ވާހިދު އިޝާރާތްކޮށްލުމުން ތަހުސީނު އިށީނެވެ. ވާހިދު ހިނގައިގަތީ އެތެރެއަށެވެ. ގިނައިރެއް ނުވެ ދުފާތަބަށް ހިފައިގެން ނުކުތެވެ. އޭނާގެ ފަހަތުން ހަރުވާޅު ހެދުން ލާފައި ހުރި އަންހެނަކު ތަބަކެއްގައި މަތިޖަހާފައި ހުރި ފެންތަށްޓެއް ބަހައްޓައިގެން އެ ހިފައިގެން އައެވެ.

“މީ ރީމާ. މަގޭ އަންހެނުން…” ތަހުސީނާ ޖެހިގެން އެއްޖޯލި ދޫކޮށްފައި ވާހިދު އިށީނދެ ތަބަށް ހިފައިގެން ހުރި އަންހެން މީހާއަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. އެހިނދު ރީމާ އާއި ތަހުސީނު އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލީ ބީރައްޓެހިކަމާއެކުއެވެ. އަދި ރީމާ ދިއްކޮށްލި ފިނި ފެންތަށި ދެ ކޯވަރުން ބޯލުމާއެކު އަވަހަށް ތަހުސީނު ތަށި ދީފިއެވެ. ދެން ވެސް ވާހަކަ ދެއްކީ ވާހިދުއެވެ. އޭނާގެ ވާހަކަ އަޑުއަހަން އިނދެ ދޭތެރެއަކުން ތަހުސީނު ބައެއް ސުވާލުކޮށްލައެވެ.

“މިއޮއް އައީނު ބައްޕަ” ހުޅުވާފައި ހުރި ދޮރޯށީން މުންޑެއް އަނދެފައި ހުރި މީހަކު ވަނުމުން ވާހިދު ބުނެލިއެވެ. އެއާއެކު ވާހިދުގެ ބައްޕަ ވެސް އެތެރެއަށް ވަނުމުގެ ބަދަލުގައި އައިސް ޖޯލީގައި އިށީނދެ ތަހުސީނުގެ ވަނަވަރު ވާހިދުގެ ގާތުން އަހާލިއެވެ. ކަންދިމާކުރި ގޮތުން ކާންދިއުމުގެ ކުރިން ތަހުސީނަށް އޭނާ ބޭނުންވި ކަންތައްވިއެވެ.

“ވާހިދަށް ނޭނގުނުތަ ހަމަ…. މިއުޅޭ ސަމީނާމެންނަށް ކިޔަވައި ވެސް ދިނެންނު އަޙައްމައިދީގެ ދަރިއަކު” ވާހިދަށް ނޭނގި އޮވެދާނެކަމަކަށް އޭނާގެ ބައްޕައަކަށް ޤަބޫލެއް ނުކުރެވުނެވެ.

“ކާކު… ސުކޫލުގައި އެ އުޅޭ ފަރިޔާލުތަ” ވިސްނާލާފައި ވާހިދު ބުނެލިއެވެ. ފަރިޔާލުގެ ނަން އިވިފައި ވެސް ތަހުސީނުގެ ނޭވާ ހުއްޓުމަކަށް އައެވެ.

“ހޫން! އެއީ މުޖުރާ އަޙައްމައިދީގެ ދޮށީ ދަރި. މިރޭ ކައިގެން ދޭބަލަ ތަހުސީނު ގޮވައިގެން އެގޭ ދޮށަށް” ވާހިދުގެ ބައްޕަ އިނދެފައި މިހެން ބުނުމުން ބޯޖަހާލިއެވެ.

ރޭގަނޑުގެ ކެއުމުން އަވަދިވެގެން ތަހުސީނު ގޮވައިގެން ވާހިދު އައިސް ހުއްޓުނީ ނޫކުލައިގެ ދޮރޯއްޓެއް ލާފައި ހުރި ގެއެއްގެ ދޮށުގައެވެ. އަދި އެގެއަށް އިޝާރާތްކޮށްލަމުން މުޖުރާ އަޙައްމައިދީމެން ގެއަކީ އެއީ ކަމުގައި ބުނެލިއެވެ.

“މިގޭގައި އުޅެނީ މުޖުރާބޭގެ އަންހެނުން ނާހިދާދައްތައާއި އެމީހުންގެ ތިންކުދިން. ފަރިޔާލު އެންމެ ދޮށްޓަށް ހުންނާނީ. އޭނާ ބޮޑަށް ހުރިހާ ކުދިން ބަލާނީ. މިހާރު އެއީ ސުކޫލުގެ ލީޑިންގ ޓީޗަރުންގެ ތެރޭ އެންމެ އިސްކޮށް ހުންނަ ޓީޗަރު. ކުރިން މި ރަށު ވަރަށް ގިނަ ކުދިންނަށް ޓިއުޝަންދޭނެ. ދެން އުޅެނީ އޭނާގެ ހަގަށް ތިބޭ ފާތިން އާއި ފަރުހާދު…. ތަހުސީނު ބުނި އެގޭ ކުއްޖަކު ދަންނަނީއޭ… އެއީ ފަރިޔާލުތަ؟ އޭނާ ކިޔަވަން އެއްދުވަސްވަރެއްގައި މާލެ ދިޔަކަމަށްވޭ” ދޮރޯށީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރެ ފަރިޔާލުގެ ޢާއިލާގެ ކުރު ތަޢާރުފެއް ވާހިދު ދިނެވެ.

“އާން! ފަރިޔާލު އޭނާއަށް ކިޔަނީ… އަހަންނަށް ވެސް މާ ރަނގަޅަށް ނޭނގޭތީ އޭނާގެ ނަން ނުބުނީ”

“ހިނގާ ވަންނަމާ. މިގަޑީގައި އޭނާ އުޅޭނޭހެން ހީވަނީ” ވާހިދު މިހެން ބުނުމާއެކު ދޮރޯށި ހުޅުވާލިއެވެ. އަދި ދޮންވެލިއަޅާފައި އޮތް ގޯތިތެރެއިން ލާފައި މައިގެއަށް ވަދެވުމުގެ ކުރިން ތަޅުން އަޅާ ހިޔާކޮށްފައި ހުރި ބައިގައި މަޑުކޮށްލާފައި ސަލާމްގޮވާލިއެވެ.

ހިތްއަވަސްވެފައި ހުރި ވަރުން އަތް ވެސް ތުރުތުރުލާތީ ތަހުސީނު ހުރީ ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލައިގެންނެވެ. ލާފައި ހުރި މަޑުނޫކުލައިގެ އަތްދިގު ގަމީސް އުޅަންބޮށްޓާއި ހަމައަށް އޮޅާލާފައި ހުއްޓެވެ. ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން ހުރި ދޮރާ ދިމާއަށެވެ. އެއްކޮށް ނުލައްޕާ ހުރި ދޮރުފަތް ހުޅުވާލުމާއެކު ފިރިހެނަކު ނުކުމެ ސަލާމްބަލައިގަތެވެ.

“ފަރިޔާލު އެބައުޅޭތަ؟” ވާހިދު ޖެހިލުމެއްނެތި އަހާލިއެވެ. އެއާއެކު ދޮރުމަތީ ހުރި ޒުވާން ފިރިހެންކުއްޖާގެ ނަޒަރު ތަހުސީނަށް ހުއްޓިގެން ދިޔައެވެ.

“ވާހިދުބެ ވަންނަންވީނު…. ތިއްތަ އެބައުޅޭ ބަދިގޭގައި”

“ފަރުހާދު ގޮސް ބުނެބަލަ މީހަކު ހޯދަން އައިސް އެބަހުއްޓޭ ނިކަން އަވަހަށް ނުކުމެބަލާށޭ” ގޭތެރެއަށް ވަދެ ސޯފާގައި ވާހިދު އާއި ތަހުސީނު އިށީނެވެ. އޭރު ހާސްވެފައި ހުރި ތަހުސީނުގެ ނިތްކުރިން ދާހިތްލާލައިފިއެވެ.

“ތިއްތާ…ތިއްތާ…” ފަރުހާދުގެ އަޑަށް ސިންކު ކައިރީ ތަށިތައް ދޮންނަން ހުރި ފަރިޔާލު ބަލާލިއެވެ.

“ސާބަސް ފަރުހާދަށް. ތިހާ ބާރަށް ނުގޮވަންޏާ މަށަށް އަޑުނީވޭނޭ ހީވަނީތަ؟” ތަށިތަކުގައި ފެންލާފައި ނަގާ ތަށިހަރުގަނޑުގައި ބަހައްޓަމުން ފަރިޔާލު ވާހަކަދެއްކިއެވެ.

“އެބައިން ސަމީނައްތަމެންގޭ ވާހިދުބެ އައިސް. ކޮންމެ ވެސް މީހަކު ގޮވައިގެން އައިސް އިނީ ވެސް. އެ މީހަކީ ތިއްތަ ހޯދަން އައިސް އިން މީހެކޭ ބުނި. މިރަށު މީހެއްވައްތަރެއް ނުޖަހާ. އިސްކޮޅުން ދިގު ބޮޑު މީހެއް. އަވަހަށް ހިނގާބަލަ. މިއައީ ސޯފާގައި އެމީހުން ބައިތިއްބާފައި… އަވަސްކޮށްބަލަ…” ފަރުހާދުގެ ވާހަކަ އާއި ހަރަކާތްތައް ހުރި ގޮތުން ހީވަނީ އޭނާ ވެސް އެ ހުރީ ވާހިދުއާ އެއްކޮށް އައި މީހަކީ ކާކުކަން އެނގެން ބޭނުންވެފައި ހުރި ހެންނެވެ.

“ދޭބަލަ މި ބޭސްތައް މަންމަ ކޮޓަރިއަށް ލާން” ފަރިޔާލު އައިސް ކާމޭޒު މަތީ ހުރި ބޭސްކޮތަޅެއް ނަގައި ފަރުހާދަށް ދިއްކޮށްލިއެވެ. އަދި ބަދިގެ ފަރާތުން ނުކުންނަން ހިނގައިގަތެވެ.

ސޯފާގައި ވާހިދުއާއެކު އިން ތަހުސީނު ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. ގޭތެރެއިން ފެންނަމުން ދިޔައީ އުޅެވޭ ޢާއިލާއެއްގެ ތެރެއިން ފެންނާނޭ ފަދަ ކަންތައްތަކެވެ. ސޯފާގެ ކުރިމަތީގައި ބޮޑު ޓީވީ ރެކެއް ހުރިއިރު އެންމެ މިހާރުގެ ފަތިޓީވީއެއް މެދުގައި ހަރުކޮށްފައި ހުއްޓެވެ. މިހާރު ވެސް ޓީވީގައި އަޅުވާފައި ހުރީ ރާއްޖެއިން ބޭރުގެ ޗެނަލެކެވެ. ކިޔެވުމުގެ އެކިއެކި ކާމިޔާބީތައް އަތުރާފައި ހުރި ބިއްލޫރި ޝޯކޭސްއެއް ފަދަ ކަބަޑެއް އެއްފަރާތުގައި ހުއްޓެވެ. ސާފުތާހިރުކަން ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ. ސޯފާގެ ކުރިމަތީ ހުރި ލަކުޑިމޭޒުގައި ދެވައްތަރެއްގެ މަޖައްލާއަކާއި ގޭގެ ކޮންމެވެސް ކުއްޖެއްގެ ޓެބްލެޓެއް އޮތެވެ. މިހުރިހާ ކަމަކުން ތަހުސީނުގެ ސަމާލުކަން ދަމައިގަތީ އެތެރެއިން ނުކުމެގެން އައި ފަރިޔާލެވެ.

އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި އޮމާންކޮށްލަމުން ހުޅިއެއް ޖަހާލުމަށް އަތަށް އިސްތަށިގަނޑު އޮޅާލަމުން ފަރިޔާލު ސިޓިންރޫމަށް ނުކުތެވެ. ހަމަ އެހިނދު ސޯފާގައި އިން ތަހުސީނު ފެނުމާއެކު އޭނާއަށް ހުއްޓުން އެރުމާއެކު އަތަށް އޮޅާލި އިސްތަށިގަނޑުގެ ވެސް އަތުގެތެރެއިން ދެމިގަނެގެން ނިއުޅެމުން ތިރިއަށް ފައިބައިގަތީ އޭގެ އަމިއްލަ ޒާތުގައި މިނިވަންކަމާއެކުއެވެ. ފަރިޔާލަށް ވީ ގޮތް ސޯފާގައި އިން ވާހިދުއަށް ވެސް ފެނުނެވެ. އޭނާ ތަހުސީނާއި ފަރިޔާލަށް އަވަސް ނަޒަރެއް ދިނީ އެ ދެމީހުންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭހެން ހީވެގެންނެވެ.

“ފަރިޔާލު….” ތަހުސީނަށް އެ ނަން ކިޔާލެވުމާއެކު ސޯފާއިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

ފުރަތަމަ ފެނުނު ދުވަހު ވެސް ފަރިޔާލަށް ލިބިފައިވާ އާދަޔާ ޚިލާފު އޮމާން ދޮން ހަންގަނޑާއި ފަށުވިކޮޅެއްފަދަ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު މިއަދު ވެސް ފެންނަނީ ދެގޮތެއްނުވެ ހުރި ތަނެވެ. އެހެންނަމަވެސް މޫނުމަތީގައި ކުރިން ހުންނަ ޅަގޮތް ކެނޑި ހަރު މީހެއް ވައްތަރު ފަރިޔާލު ޖަހައެވެ. އުމުރަށް އަންނަ ބަދަލާއެކު ކޮންމެ އިންސާނަކު ވެސް އެއްގޮތަކަށް ނުހުންނާނޭކަން ތަހުސީނަށް ވެސް އެނގެއެވެ. އެހެންނަމަވެސް ފަރިޔާލު ފެނުމުން ތަހުސީނުގެ ހިތް ތެޅިލީ އެންމެ ފުރަތަމަ ފަހަރަށް ފަރިޔާލު ފެނިގެން އެހިތަށް އަސަރުކުރި ފަދައިންނެވެ. އަވަސް ފިޔަވަޅުގައި ހަލުވިކަމާއެކު އައިސް ފަރިޔާލުގެ އަތުގައި ހިފާލަން ތަހުސީނު ބޭނުންވިއެވެ. ދެ ކޯތާފަތުގައި ހިފާ ނިތްކުރީގައި ބޮސްދެމުން މާފަށް އެދެން ބޭނުންވިއެވެ. ހިތްފުރެންދެން އަތުގެތެރޭގައި ފަރިޔާލު ބޮނޑިކޮށްލައިގެން ހުންނަން ތަހުސީނު ބޭނުމެވެ. ނަމަވެސް އޭނާ އާއި ފަރިޔާލާ ދެމެދަށް ހުރަހަކަށް ވީ އެ ވަގުތު އެތަނުގައި ހުރި ވާހިދެވެ. އަދި ދުރުގައި ބަލަން ހުރި ފަރުހާދެވެ.

“ކިހިނެއް… މިބުނީ… ކޮންއިރަކު އައީ…” ހިންދިރުވާލުމާއެކު ފަރިޔާލު ކުރިއަށް ޖެހިލާ ވާހަކަދެއްކިއެވެ. އެހެންނަމަވެސް އޭނާއަށް ވާހަކަދައްކަން ފަސޭހައެއްނުވިއެވެ. ގިނަ ފަހަރު ތަހުސީނާ ނަޒަރު ވެސް ސީދާކޮށްލެވޭގޮތެއް ނުވިއެވެ. ލިބިފައި ހުރި ސިހުމާއިއެކު ސިކުނޑީގެ ހިނގުން އަވަސްވިޔަސް ދުލުގެ ހަރަކާތް ލަސްވެފައިވާ ކަހަލައެވެ. މަޑުމަޑުން އިސްތަށިގަނޑު ގެނެސް އެއްފަރާތްކޮށްލާ ދެއަތުން ހިފަހައްޓާލައިގެން ހުރި ގޮތުން ހީވަނީ ލިބިފައިހުރި ހާސްކަން ފޮރުވަން ފަރިޔާލު އުޅޭ ހެނެވެ.

“އިރުއޮއްސިއްޖެ ދޯ އާދެވުނު އިރު. ފަރިޔާލު… ތަހުސީނު ހުންނަނީ އަބްދުﷲބޭ މެންގޭގައި. މާދަމާ ވެސް ދުވާލު ގަޑީގައި އުޅެން ޖެހޭނީ ދަތުރުތައް ކުރުމުގައި… ތަހުސީނު ގޮވައިގެން އަހަންނަކަށް މިގެއަކަށް ނާދޭވޭނެ. އެހެންވީމަ ފަރިޔާލު ވާނެ އެގެއަށް ގޮސްލަން…. އަދި ބުނަން… ތަހުސީނު އެ އައީ ފަރިޔާލު ހޯދަން އެހެންވީމަ މިހިސާބުން އެއީ ފަރިޔާލުގެ މެހެމާނެއް އިނގޭ” ވާހިދު އިނދެފައި ބުނެލިއެވެ. އޭނާއަށް ބަލާލަމުން ފަރިޔާލު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“އަހަރެން މިއައީ ފަރީ… ފަރިޔާލުއާ ބައްދަލުކޮށްލަން” ތަހުސީނު ލޯބިން ފަރިޔާލަށް ގޮވާލާ ގޮތަށް ބުނެލާފައި ވެސް އަލުން ފުރިހަމަ ނަން ބޭނުންކުރިއެވެ. ހިތުގައި އުފެދެމުން އަންނަ ޖަޒުބާތުތައް ހިފަހައްޓަމުންނެވެ.

ވާހިދު އާއި ފަރުހާދު ތިބުމުން ތަހުސީނަކަށް ފަރިޔާލުގެ ގާތުން އެއްވެސް ވާހަކައެއް އަހާކަށް ނުކެރުނެވެ. ދެމީހުންގެ ވާހަކަ ހުރީ ދުރުދުރުންނެވެ. އެކަކު އަނެކަކުގެ ހާލު ވެސް އަހާނުލެވުނެވެ. ގިނަ ވާހަކަތައް ދައްކަމުން ދިޔައީ ވާހިދުއެވެ. އޭރު ވެސް ތަހުސީނު އިނީ ފަރިޔާލުގެ ދަރިއަކު ހުންނަކަން ސާފުނުވެފައެވެ. ގޭތެރެއިން އިތުރު މީހަކު ނުފެންނާތީއެވެ. ޒުވާން ދަރިފުޅު އެގަޑީގައި ގޭގައި ނޫޅެނީކަމުގައި ވެދާނެއޭ ތަހުސީނުގެ ޟަމީރު ވިސްނައިދިނެވެ. ހުރިހާ ކަމެއް އޮޅުން ފިލާނީ ފަރިޔާލުއާ އެކަހެރިކޮށް ބައްދަލުވެގެންނެވެ. އެކަމަކު ފަރިޔާލު އޭނާއާ ބައްދަލުކުރާނޭކަމާ މެދު ހިތުގައި ޝައްކު އުފެދުނެވެ. އޭނާއަށް ލިބިފައި ހުރި ސިހުން ތަހުސީނަށް ވެސް ފާހަގަކުރެވެއެވެ. ފަރިޔާލަށް ތަހުސީނު ފެނުމުން އޭނާ ހުރީ އުފަލުން ކަމެއް ނޫނީ ރުޅި އައިސްފައި ކަމެއް ވެސް ބުނާކަށް ތަހުސީނަށް އެވަގުތަކު ނޭނގުނެވެ.

“ހިނގާ ދަމާ ދޯ، ލައްކަ އިރު މިހެން ތިބެވިއްޖެއެއްނު. ތަހުސީނު ގޭދޮށަށް ލާންޖެހޭނެއެއްނު” ވާހިދު ބުނެލިއެވެ.

“ފަރިޔާލުއާ ގުޅޭނެ ނަންބަރެއް ލިބިދާނެތަ؟ މާދަމާ ގުޅާ ލެވޭނީ ވެސް އޭރުން” ވާހިދު ނުކުމެގެން ދާން އުޅެނިކޮށް ތަހުސީނު އަވަސްއަވަހަށް ފަރިޔާލުގެ ގާތުގައި ބުނެލިއެވެ.

“މާދަމާ ދާނަން އަބްދުﷲބޭމެންގެއަށް” ފަރިޔާލު ދިން ޖަވާބުން އިތުރަށް ތަހުސީނަށް އެއްޗެއް އަހާކަށް ނުކެރުނެވެ. ފަރިޔާލު ގަސްދުގައި ނަންބަރު ދޭން ބޭނުންނުވީކަން ތަހުސީނަށް ވިސްނުނީއެވެ. އެކުވެރިންނޭ ކިޔައިގެން އޭނާ ފަރިޔާލު ހޯދަން އައިސް އުޅޭއިރު އެ ދެމެދުގައި ދުރުކަމެއް ހުރިކަން އަމިއްލަ ނަފްސަށް ވެސް ފާހަގަކުރެވުނެވެ. އެކަން އެހެންމީހުންނަށް އެނގެން ތަހުސީނު ބޭނުމެއްނޫނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ވާހިދުއާއެކު ފަރިޔާލުމެންގެއިން ނުކުމެގެން ދިޔައީ މާޔޫސްވެފައި ހުރެއެވެ.

“އެއީ ކާކު؟” ދޮރޯށިންގެ ވާހިދު އާއި ތަހުސީނަށް ނުނިކުމެވެނީސް ފަރުހާދު އަހާލިއެވެ. އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ ފަރިޔާލު ހިނގައިގަތީ ބަދިގެ ފަރާތަށެވެ. އޭނާގެ ފަހަތުން ފަރުހާދު އައެވެ.

“ތިއްތާ؟ އެއީ ތިއްތަ ފްރެންޑެއްތަ؟ މާލޭ މީހެއް ދޯ…. ކާކުތަ އެއީ؟ ހާދަ ސްމާޓްއޭ… ހީވަނީ ކުރީގެ ޖޭމްސް ބޮންޑުހެން” ފަރުހާދު ދުލެއް ނުކުރިއެވެ.

“އެއީ މާލޭގައި އުޅުނުއިރު ދިމާވި ރައްޓެއްސެއް. ދެން މަންމަ ގާތަށް ގޮސް ފާޑުފާޑުގެ ވާހަކަދައްކާނީއެއްނޫން، ކޮބާތަ ފާތިން. ޑޮކްޓަރަށް ގޮސްފައި އަދިވެސް ނާދޭތަ؟” ފަރިޔާލު ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިއެވެ. އޭނާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ހަރަކާތްތެރިވަމުން ދިޔައިރު އޭނާގެ ހަރަކާތްތަކަށް ބަލަން ކާގޭގެ ދޮރުކަނީގައި ލެނގިލައިގެން ފަރުހާދު ހުއްޓެވެ.

“އަދި ނާދޭ… ތިއްތާ. އަދިވެސް ތި މޭޒު ސާފެއްނުވޭތަ. މިހާރު ދެތިންފަހަރަށް އިސްޕޮންޖުން ސާފުކޮށްފި…” ފަރިޔާލަށް ކުރެވޭކަންތަކާ މެދު ވިސްނާލެވުނީ ފަރުހާދު ބުނީމައެވެ. ދެން އަވަހަށް ގޮސް ސިންކުގެ ކައިރިއަށް ހުއްޓިލިއެވެ. ދެއަތްތިލަ ދޮވެލުމާއެކު ތެލިތަކުގައި ރަނގަޅަށް މަތިޖަހާފައި ބަދިގެ ލައްޕާފައި ނުކުތެވެ.

“ހޭލާ ހުރިއްޔާ ފާތިން ގާތު ބުނާތި ކައިފައި އެއްޗެހި ހޫނުކުރައްޗޭ” ފަރުހާދަށް ބަލާލުމެއްނެތި މިހެން ބުނެފައި ފަރިޔާލު އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ދޮރުލައްޕާލުމާއެކު ދޮރުފަތުގައި ފަރިޔާލަށް ލެނގިލެވުނެވެ. ނިތްކުރީގެ ދެފަރާތުން ބޮލުގައި ހިފަހައްޓާލައިގެން ދެ ލޯ މަރާލައިގެން ފަރިޔާލު ހުއްޓެވެ. އަމިއްލަ ހަޔާތުން ތަހުސީނު ބޭރުކޮށްލިތާ އެތައް އަހަރެއް ފަހުން މިރޭ އޭނާގެ ކުރިމަތީގައި އެ ހުރީ ތަހުސީނު ނޫން ދެވަނަ މީހެއްނޫނެވެ. މުޅި ދުނިޔެއިން އެމީހަކު ދެކެ ފަރިޔާލު އެންމެ ލޯބިވި އިންސާނާއެވެ. ފަނޑުވެފައިވާ ހަނދާންތައް ހިތާއި ސިކުނޑީގައި އާލާވެގަތުމުން އެކަން ކެތްވާވަރުގެ ކަމަކަށް ފަރިޔާލަކަށް ނުވިއެވެ. ބޮލުގައި ހިފަހައްޓާލެވުނީ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއެކުއެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު ފާޚާނާއަށް ވަދެ މޫނުދޮވެލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ.

“ތަހުސީނު އައުމުގެ ބޭނުމަކީ ކޮބާ؟ މިހާރު އޭނާ ބޭނުންވަނީ ކޮންކަމެއް؟ އެ ދުވަހު އަހަރެން އެކަނިހާލައިގެން ދޫކޮށްލީ… މިއަދު އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް؟ ދުނިޔޭގައި ބަދުނަސީބުވެރިއެއްކަމުގައި ހެދި މީހަކީ ތީ… ތަހުސީނު އަހަންނަށް އެހީތެރިވުމުގެ ބަދަލުގައި އަހަރެން އިންހާލު އެނގުމުން އަވަހަށް އަހަރެންގެ ކިބައިން ސަލާމަތްވީ…” އަރިއަކަށް އޮށޯވެލައިގެން އޮތް ފަރިޔާލުގެ ހިތަށް އަރަމުން ދިޔައެވެ. އުފާވުމުގެ ބަދަލުގައި ތަހުސީނު ފެނުމުން ފަރިޔާލަށް ލިބިގެން ދިޔައީ އިތުރު ނުތަވަނަސްކަމަކާއި ހިތްދަތިކަމެވެ. ތަހައްމަލު ކުރަން ދަތި ވޭނެއް އިހުސާސް ކުރެވިގެން ދިޔަ ކަހަލައެވެ. ސިކުނޑިއަށް ސިފަވެގެން ދިޔަ ހަނދާނުގެ މަންޒަރާއެކު ދެފަރާތަށް ބޯހޫރާލުމާއެކު ފަރިޔާލު މޫނުގައި ދެއަތް އަޅާ ފޮރުވާލިއެވެ.

“ކިހިނެއް އެ ދުވަސް ހަނދާންނެތޭނީ… މި ދެއަތުން… މި ދެއަތުން…ނޫން! ނޫން!…” ފަރިޔާލަށް ބާރަށް ބުނެލެވުނެވެ. އޭނާގެ ދެއަތްތިލައިގެ ތެރެއިން ފޭދިގެން ކަހަލަ ގޮތަކަށް ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ.

މުޅި ކޮޓަރިއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. އޭސީގެ ބަދަލުގައި މަތީގައި އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކުގައި ވައިއަޅާ އަޑުގެ އިތުރުން ފަނިގޮވާއަޑު ކަހަލަ އަޑެއް ކޮޓަރީގެ ބޭރުން އިވެމުންދިޔައެވެ. ނިތްކުރީގައި އެއްއަތް ބާއްވާލައިގެން އަނެއްއަތް ބަނޑާދިމާލުގައި އަޅުވާލައިގެން ނުނިދިފައި ތަހުސީނު އޮތެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވައިލައިގެން އެއްވަރަކަށް ފައިތިލަ ތަޅުވާލަތަޅުވާލައެވެ. އޭނާގެ ސިކުނޑީގައި ހިނގާ ޚިޔާލުތަކުގެ ހަލަބޮލިކަން ފައިތިލައިގެ ތެޅުމުން އެކަނި ވެސް ހާމަވާކަހަލައެވެ. އެހެން އޮވެ ދޭތެރެއަކުން ނިކަން ފުން ނޭވާއެއް ލައެވެ.

“އަހަރެން މިއައީ ފަރީއަށްޓަކައި. އެންމެ ފަހަރަކުވިޔަސް އަހަންނާ ބައްދަލުކޮށްލަން އަންނާނެނަމަ… މިއައީ ފަރީ ބަލާ. އަހަރުމެންގެ ދަރިފުޅު ބަލާ… އެކަމަކު މާބޮޑަށް ވެސް ލަސްވެއްޖެކަން އަހަންނަށް އެނގޭ. ކުރިން ވެސް މިގޮތް އޮތް އެކަމަކު މިފަދަ ހިތްވަރެއްނުލިބޭ… އަހަންނަށް ރީން އުޅޭގޮތް ފެނުންވީ ލިބުނު އިބުރަތަކަށް… އަހަރެންގެ ސަބަބުން ފަރީއަށް ލިބޭނެ ހިތްދަތިކަން ވަޒަންކުރެވުނީ އޭގެފަހުގައި. އަބަދު ފަރީއާ މެދު ފިކުރު ކުރެވެންފެށުނީ އެހެންވެ. އެކަނިމާ އެކަނި އުޅޭނޭ ހާލު ހިތަށް ވަނީ އެހެންވެ… އަހަންނަށް މާފުކުރޭ މިހާ ލަހުން އަހަންނަށް ވިސްނުނީތީ” ހިތުގެ އަޑާއެކު ތަހުސީނު އޭނާގެ ދެ ލޯ މަރާ ބާރުކޮށްލިއެވެ.

ފަތިސްވެއްޖެކަމުގައި ޢިއުލާން ކުރަންފެށި ހާލުގެ ގޮވުމާއެކު ތަހުސީނަށް ވެސް ލޯ ހުޅުވާލެވުނެވެ. އެހެންޏާ ނީވޭފަދަ އަޑުތައް ކަންފަތުގައި ޖެހުނީ ދެނެވެ. ކާޅާއި ކޮވެލީގެ ވާދަވެރި ގޮވުންތަކުގެ އަޑެވެ. ދެ ލޮލުގައި އަތް ހާކާލުމާއެކު ބާލީސް ކައިރީގައި އޮތް ފޯނު ނަގާ ތަހުސީނު ބަލާލިއެވެ. އެނދުން ތެދުވުމުގެ ބަދަލުގައި ތަހުސީނު އެއްފަރާތަށް އެނބުރި ބޯއަޅައިގެން އޮތް ބާލީހުގެ ދަށަށް އެއަތްވައްދާލުމާއެކު ގަޔާކައިރިކޮށްލަމުން އެނދުގައި ކުރިއަށްވުރެ ބޮޑަށް ހަމަޖެހިލިއެވެ. އެހެންނަމަވެސް އޭނާއަށް އެނބުރި ނިދީގެ ތެރެއަށް ވަދެވޭގޮތެއްނުވިއެވެ. ލޯހުޅުވުމާއެކުހެން ސިކުނޑީގައި ފަރިޔާލުގެ ޚިޔާލުތައް އެނބުރެންފެށީއެވެ.

ގަޑިން ނުވައެއްޖަހަނިކޮށް ތަހުސީނު ކޮޓަރިން ނުކުތީ ފެންވަރާ ތާޒާވެލައިގެންނެވެ. އޭރު ގޭގެ ބިއްދޮށުގައި މީހަކު އުޅޭހެން ހީވެ ތަހުސީނު ނުކުތީ އެ ދިމާއަށެވެ. އޭރު އުމުރުން ދުވަސްވީ ފިރިހެނަކު ގަސްތަކަށް ފެންދޭން އުޅެއެވެ.

“ތަހުސީނު ދޯ… ކޮބާ ސައިބޯންވީނު” އިރުކޮޅަކު ތަހުސީނު ހުރިފަހުން އަބްދުﷲގެ ލޮލުގައި އޭނާ އަޅައިގަތެވެ. ހަމައެއާއެކު ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ތަހުސީނާ ދިމާއަށް އައެވެ.

“އަބްދުﷲބޭ ދޯ ތީ… ރޭގައި އަޅުގަނޑު އައި އިރު ވެސް ގޭގައި ނޫޅުއްވާ، ވާހިދުއާއެއްކޮށް އެގޭގައި އުޅެފައި އާދެވުނީ ވެސް ތަންކޮޅެއް ލަހުން. ކިހިނެއްތޯ އަބްދުﷲބެ… މި ހުރިހާ ގަހަކީ އަބްދުﷲބެ އަމިއްލައަށް އިންދާފައި ހުރި ގަސްތައް” ތަހުސީނު ބެލީ އަބްދުﷲއާ ހިތްހެޔޮކަމާއެކު ވާހަކައެއް ކުރިއަށް ގެންދެވޭތޯއެވެ.

ރޮއްޓާއި ރިހައާއެކު ހެނދުނުގެ ސައިބޮއެގެން ތަހުސީނު ނުކުމެ ގޭ ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުއްޓާ އަބްދުﷲ ގޮވާލާފައި ރަށުތެރެ ބަލާލަން ނުދަންތޯ އަހާލިއެވެ. އެއާއެކު ތަހުސީނު ޖަވާބުދިނީ އޭނާ ހޯދަން ރައްޓެހިކުއްޖަކު އަންނަންދެން މަޑުކޮށްލަނީ ކަމުގައެވެ. ގޯތީގެ ހުސްތަނުގައި ފުރަންފަށާފައި ހުރި ޖޯލިފައްޗެއް ގަތަން އަބްދުﷲ އުޅެއެވެ. ކަމެއްނެތިފައި ހުރުމުގެ ބަދަލުގައި ތަހުސީނު އައިސް އަބްދުﷲއަށް އެހީވާން ފެށިއެވެ. ދުވަހަކު ވެސް ނުކުރާ މަސައްކަތަކަށްވެފައި ޖޯލި ގެތުން ފަސޭހަކަމަކަށް ތަހުސީނަކަށް ނުވިއެވެ. އެހެންނަމަވެސް އަބްދުﷲގެ އެހީގައި އޭނާ އެކަން ކުރެވޭތޯ އުޅުނެވެ. އެކަމުގައި އުޅުން އިރު ދެމީހުންގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. ފަރިޔާލަކީ ތަހުސީނުގެ ރަޙުމަތްތެރިއެއްކަމާއި މިރަށުން ހަމައެކަނި ދަންނަނީ އޭނާކަން ތަހުސީނު ހާމަކުރިއެވެ. މިރަށަށް އާދެވުނީމާ ފަރިޔާލާ ބައްދަލުކޮށްލާފައި ދާން މަޑުކުރަނީ ކަމަށް ވެސް ތަހުސީނު ބުނެލިއެވެ.

“އެންމެ ފަސޭހައިން އޭނާއާ ދިމާވާނީ ސުކޫލުން. ގިނަ ވަގުތު އުޅޭނީ އެތަނުގައި… އަޑުއެހިން ނާހިދާ ބަލިގެން އުޅޭވާހަކަ. އަހަންނަކީ އެގެއަށް ވަދެ އުޅޭ މީހެއްނޫން. އެކަމަކު މިރަށުގައި ފަރިޔާލު ނޭނގޭ މީހަކު މިހާރު ނުހުންނާނެ” އަބްދުﷲ ބުނެލިއެވެ.

މެންދުރު ފަސްވެގެން އައިއިރު ވެސް ފަރިޔާލުގެ ޚަބަރެއްނުވިއެވެ. އެހެންވެ ތަހުސީނު ނިންމީ އިރުއޮއްސުމުގެ ކުރިން ރަށު މީހުންގެ ގާތުގައި އަހައިގެން ވިޔަސް ފަރިޔާލު ހުންނަ ގޭ ދޮށަށް އަނެއްކާ ވެސް ދިއުމަށެވެ. މި ފަހަރު އެކަނި ދިއުމުން ފަރިޔާލުއާ ވާހަކަދައްކާލާނޭ ފުރުޞަތު ލިބިދާނޭކަމަށް ހީވާތީއެވެ. އަދި ފަރިޔާލު އަންނަން ބޭނުންނުވެފައި ހުއްޓަސް އޭނާގެ ގާތުން މާފަށް އެދެން ތަހުސީނު ބޭނުންވާތީއެވެ. އެހެން ހިތާ ދޮރޯށިން ބޭރަށް ނުކުމެގެން ދެތިން ފިޔަވަޅު އަޅާލިތަނާ ނިކަން ހަލުވިކޮށް ހިނގާފައި އަންނަ ފަރިޔާލު ތަހުސީނުގެ ލޮލުގައި އަޅައިގަތެވެ. ފަރިޔާލަށް ނުފެންނަނީސް އަވަހަށް އެނބުރި އައިސް ތަހުސީނު ގެއަށް ވަނެވެ. އަދި ޖޯލިފަތީގައި ގަތާ ނިންމާފައި ހުރި ތިންޖޯލިން ވައަތަށްހުރި ޖޯލީގައި އިށީނދެ ފޯނު ނަގައިގެން އިނެވެ. ފަރިޔާލު ކޮންމެ ވަގުތަކު ވެސް އައިސް އެގެއަށް ވަދެދާނޭކަން ތަހުސީނަށް އެނގޭތީވެ އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

“އައްސަލާމް އަލައިކުމް” ދޮރޯށި ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮށްލި ފަރިޔާލު ސަލާމްގޮވާލިއެވެ. އެއާއެކު ޖޯލީގައި އިނދެފައި ތެދުވި ތަހުސީނު ސަލާމް ބަލައިގަތެވެ.

“އިށީންނަންވީނު” ޖެހިގެން ހުރި ޖޯލިދައްކާލަމުން ތަހުސީނު ބުނެލިއެވެ. އަދި ފަރިޔާލަށް ރަނގަޅަށް ބަލާލިއެވެ. ހަރުވާޅު ހެދުމުގައި ފަރިޔާލު ފެންނަލެއް ނިކަން ނަލައެވެ. އިސްތަށިގަނޑު ފަހަތަށް ގަތާލާފައި އޮތެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަހުގައި ހިފަހައްޓާލައިގެން ހުރި ގޮތުން އޭނާ އެހުރީ ވަރަށް ހާސްވެފައިކަން ތަހުސީނަށް ނަގައިގަނެވުނެވެ.

“ކީއްކުރަން މިރަށަށް ތިއައީ؟” އިށީނުމުގެ ބަދަލުގައި ހަޝަމަށް އަތްއަރުވާލައިގެން ހުރި ފަދަ ގޮތަކަށް ދެއަތްހުރަސްކޮށްލަމުން ފަރިޔާލު ސުވާލުކުރިއެވެ. އޭނާގެ އެ ހަރަކާތުން ފަރިޔާލު ހުރީ ހިތްހަމަނުޖެހިފައިކަން ވެސް ތަހުސީނަށް އެނގުނެވެ.

“ފަރީގެ ހާލު ކިހިނެއްތަ؟ މީހަކާ އިނީތަ؟” ތަހުސީނަށް ފަރިޔާލު ކުރި ސުވާލު ނީވޭ ކަހަލައެވެ.

“އަހަރެންގެ ހާލު ބަލަންތަ ތިއައީ؟ އެހެންނޫނަސް އަހަރެންގެ ޒާތީކަންކަމާ ސުވާލުކުރަން ތަހުސީނު ތީ ކާކު”

“ފަރީ އަހަރެންދެކެ ރުޅިއައުން ހައްޤުކަން އަހަރެން ޤަބޫލުކުރަން. އެކަމަކު އެއީ އަހަރެން ގަސްދުގައި ކުރިކަމެއްނޫނޭ. އަހަރެން ފަރީއާ ގުޅުނީ ލޯބިން. ފަހަރެއްގައި ވެސް ބޭނުންކޮށްލާފައި ދޫކޮށްލުމުގެ ނިޔަތަކުނޫން. އެކަމަކު މި ވާހަކަތައް ފަރީއަށް ޤަބޫލުކުރަން އުނދަގޫވާނޭކަން އަހަންނަށް އެނގޭ. މިއަށްވުރެ ކުރިން އަހަރެން ބޭނުންނަމަ ފަރީގެ ގާތަށް އާދެވުނީސް… އެކަމަކު އަހަރެން ހުރީ ދެ ޚިޔާލެއްގައި… ފަރީ އަހަރެން ދުށުމަކަށް ދުވަހަކު ވެސް ނޭދެނެޔޭ ހިތަށް އެރީ. އަދި މިހާރު ފަރީ އުޅޭނީ މުޅިން އައު ހަޔާތެއް ފަށައިގެން ކަމުގައި ވެސް ހީކުރެވުނީ. ނަމަވެސް އެ ދަރިފުޅު ވާނީ އަހަރެންގެ ވެސް ދަރިއަކަށް. ނޫންތަ؟” ތަހުސީނު ކުރިއަށް ޖެހިލާ ފަރިޔާލުގެ އަތުގައި ހިފާލިއެވެ. އެއާއެކު ވަގުތުން ތަހުސީނުގެ އަތްފޮޅުވާލާފައި ފަރިޔާލު ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

“އަހަންނަށް ރަނގަޅީ އަހަރެންގެ ގައިގާ އިނގިލިކުރި ވެސް ތަހުސީނު ޖައްސާނުލިއްޔާ”

“މައްސަލައެއްނެތް. ދެން އަތެއްނުލާނަން… ފަރީ. އަހަންނަށް ކަންތައްކުރެވުނު ގޮތާއިމެދު މިއަދު ދެރަވެ ހިތާމަކުރަން. އަހަންނަށް މާފެއްނުކުރާނަންތަ؟ އާދޭސްކުރަން… އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު އެއްފަހަރު ނަމަވެސް ދުށުމަށް. އެ ފުރުޞަތު ވެސް ނުދޭނަންތަ؟”

“ކޮންދަރިއެއް؟ ތަހުސީނުގެ ނުހުންނާނެ ދަރިއަކު…” ތަހުސީނުގެ ވާހަކަތަކުން ފަރިޔާލުގެ ހާސްކަން އިންތިހާއަށް ދިޔައެވެ.

ތަހުސީނު އެއްޗެއް ނުބުނެ ފަރިޔާލަށް ބަލަން ހުއްޓެވެ. ހާސްކަމުގެ ތެރެއިން ފަރިޔާލުގެ ނިތަށް ޖެހެމުންދިޔަ ރޫ ގިނަވިއެވެ. ހަމައެއާއެކު އޭނާގެ ލޯ ފެންކަޅިވަމުން ދާކަމުގެ އަސަރު ވެސް ފާޅުވަމުން ދިޔައެވެ. ތަހުސީނުގެ ހިތަށް ތަފާތު އެއްޗެއް އެރީ އެވަގުތުއެވެ.

“ފަރީ. މިތާ އިށީންނަންވީނު. އަހަރެން ހުރެދާނަން ފަރީއާ ދުރުގައި… ފަރީ ނުރުހޭ ކަމެއް އަހަރެން ނުކުރާނަން. އަހަންނަށް މާފުކުރުމަކީ ފަރީގެ އަތްމަތީގައި އޮތްކަމެއް. އަހަންނަށް ކުރެވުނީ އެހާ ފަސޭހައިން މާފު ލިބޭވަރުގެ ކުށެއްނޫން. އެހެންވިޔަސް އަހަންނަށް އެނގޭ ފަރީ ބަލިވެ އިނީ އަހަރެންގެ ދަރިއަކަށްކަން. އެހެންވީމަ އެ ދަރިފުޅަށް ގޮތެއްވިއްޔާ، ވީގޮތެއް ވެސް ކިޔައިދީބަލަ؟ އަހަރެން ފުރައިގެން ދިއުމުން ފަރީ ކަންތައްކުރީ ކިހިނެއް؟ މިރަށު މީހަކު ފަރީގެ ދަރިއަކު ހުންނަ ވާހަކައެއް އެއްފަހަރު ވެސް ނުބުނޭ؟ ބަނޑުގައި އޮތް ދަރިފުޅަށް ވީ ކިހިނެއް؟” ސުވާލުގެ ނަޒަރުން ތަހުސީނު ބަލަން ހުރިއިރު ފަރިޔާލުގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.

“ނޭނގެ މަށަކަށް…” ތުރުތުރު އަޅަމުން ދިޔަ ދެއަތްތިލަ ޖޯޑުކޮށްލަމުން ފަރިޔާލު ބުނެލިއެވެ. އަދި ތަހުސީނަށް ފުރަގަސްދިނީ އޭނާއާ ކުރިމަތިލާން ނުކެރިގެންނެވެ. އެއާއެކު ތަހުސީނުގެ ބޮލުގައި ރިއްސާލީ ފަރިޔާލު ކަމެއް ސިއްރުކުރާކަމުގައި ހީވެގެންނެވެ. ދެތިން ފަހަރަށް ފަރިޔާލަށް ގޮވާލުމުން ވެސް އޭނާ ތަހުސީނާ ދިމާއަށް ބަލައެއްނުލިއެވެ. އެންމެފަހުން ތަހުސީނު އައިސް ފަރިޔާލުގެ އަތުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލީ ގަދަކަމުންނެވެ.

“ފަރީ އަހަންނަށް ކަމެއް ސިއްރުކުރަނީ ދޯ… ބުނޭ! ކޮންކަމެއް؟ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިނުދެނީސް މިގެއިން ފަރީއަކަށް ނުނިކުމެވޭނެ. އަހަންނަށް ކިޔައިދީބަލަ؟… ފަރީ…” ފަރިޔާލުގެ ކޮނޑުގައި ހިފައި ތަހުސީނު ތަޅުވައިގަތުމުން މޫނުގައި ދެއަތްއަޅައި ފަރިޔާލު ރޯންފެށިއެވެ.

“ކީއްކުރަން ތަހުސީނު ތިއައީ… އެ ދުވަހު އަހަރެން ބޭނުންވިއިރު އަހަރެންގެ ގާތުގައި ނުހުރެ މިއަދު ކީއްކުރަން ތިއައީ” މޫނުގައި ދެއަތް އަޅައިގެން ހުރެ ދެފަރާތަށް ބޯހޫރަމުން ރޮމުންދިޔަ ފަރިޔާލު ވާހަކަދެއްކިއެވެ.

ތަހުސީނަށް ވާހަކަ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ފަރިޔާލުގެ ރުއިމުގެ އަޑުވިއެވެ. ބަލަހައްޓައިގެން ހުރުމުގެ ބަދަލުގައި ތަހުސީނުގެ ހިތަށް ކުރި އަސަރާއެކު އޭނާ ފަރިޔާލުގެ ކޮނޑުގައި އެއްއަތް ބާއްވާލިއެވެ. އަދި އަނެއްއަތުން ފަރިޔާލުގެ ބޮލުގައި ފިރުމާލިއެވެ. މިއަދު ފަރިޔާލުގެ ލޮލުން އެ އަންނަނީ ތަހުސީނުގެ ސަބަބުން އޭނާއަށް ލިބިފައިވާ ހިތްދަތިކަމުގެ ކަރުނަ ކަމުގައި ތަހުސީނަށް ޤަބޫލުކުރެވުނެވެ. ރޮމުންދިޔަ ފަރިޔާލު މަޑުމަޑުން ގެނެސް ތަހުސީނުގެ ގަޔާ ކައިރިކޮށްލިއެވެ.

“ފަރީ ތިހެން ރުއީމަ އަހަންނަށް ވަރަށް އަސަރުކުރޭ. އަހަރެންގެ ސިކުނޑި ހާސްވޭ…. ކީއްވެތަ އެއްވެސް އެއްޗެއް ނުބުނެ ތި ރޮނީ. އަހަރެން މިއައީ އަހަރުމެންގެ ދަރިފުޅަށްޓަކައި… ފަރީއަށް ދޭން ޖެހޭ ހައްޤު ދިނުމަށްޓަކައި. އެނގޭ ފަރީ ކުރިމަތިލި ދުވަސްތަކަކީ ކިހާ ހިތި ދުވަސްތަކެއްކަން. އެކަމަކު މިއަދު އައިސް މިހިރީ ވަރަށް ސާބިތުކަމާއެކު. ފަރީ ޤަބޫލިއްޔާ ކައިވެނިކުރަން ވެސް ތައްޔާރަށް. މިއަދު އަހަރެން ފަރީއާ އިނދެގެން އަހަރުމެންގެ ދަރިފުޅު ގެންގުޅޭނޭހާ ތަނަވަސްކަން އެބަހުރި. އެއްވެސް ކަމަކަށް މަނާ ކުރާނޭ މީހަކުނެތް. އެކަމަކު މިހިސާބަށް އަހަންނަށް މި އާދެވުނީ އެހެންމީހަކަށް ވަޢުދެއް ވެފައި…. އެ ވަޢުދު އަހަރެން ފުއްދާނަން…. އެ ވާހަކަތައް ފަހުން ވެސް ކިޔައިދެވިދާނެ. އިހަށް އަހަރެން ބޭނުންވަނީ ފަރީގެ ހާލު އެނގެން. ހެޔޮނުވާނެ ފަރީ… ނުރޮއެ ކަންތައްވީގޮތް ކިޔައިދީބަލަ…. އަހަރުމެންގެ ދަރިފުޅު މަރުވީތަ؟”

“ތަހުސީނު ދެކެ އަހަރެން ވީ ހަޤީޤީ ލޯބި. އެކަމަކު އަހަންނަށް ޤަބޫލެއްނުކުރެވޭ ތަހުސީނު އަހަރެންދެކެ ލޯބިވީކަމަކަށް. އެހެންނޫންނަމަ އަހަރެން ބަނޑުބޮޑުކަން އެނގުމުން އަހަރެން އެކަނިވާން ދޫކޮށެއްނުލީސް… މިއަދު އަހަންނަކީ ކޮންމެ ދުވަހަކު އެ ހަނދާންތަކެއްގެ ސަބަބުން އެތައްމަރަކުން މަރުވަމުންދާ އަންހެނަކީމު… ކީއްވެތަ މިހާ ލަހުން ތަހުސީނު ތި އައީ… އެ ދުވަހު އަހަރެންގެ ގާތުގައި މަޑުކުރިނަމަ. އަހަރެން ނުބުނަންތަ އަހަންނާ ކައިވެނިކޮށްގެން މި ރަށުގައި އުޅެވޭނެއެކޭ. އެހެންނޫންނަމަ މިއަދު އަހަރުމެން ދެމީހުން ވެސް ތިބޭނީ އެ ދަރިފުޅުގެ ގާތުގައި… އަހަންނަށް ކެތްތެރިވާން ހިތްވަރު ވެސް ލިބުނީސް”

“އަހަރެންގެ އުމުރުން ޅަވެފައި ހަރުދަނާ ވިސްނުމެއްނެތުމުން އޭރު މައިންބަފައިންނާ ދެކޮޅު ހަދާނޭ ހިތްވަރެއް ނުލިބުނީ. ފަރިޔާލު ދެކެ ކިތަންމެ ލޯބިވިޔަސް ފަރިޔާލު ގެންގުޅެވޭނޭ ފެންވަރު އަހަރެންގެ ނެތުމުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ވެސް ގެއްލުނީ… މަންމަމެން އަހަންނަށް އިންޒާރު ދިނީ ފަރީގެ ގާތަށް ދާންޖެހޭނީ މުޅި އުމުރަށް އެމީހުންނާ ވަކިވެގެން ކަމުގައި…. އޭރު އަހަންނަށް މަސައްކަތެއް ކުރާކަށް އެނގެނީއެއްނޫން…. އެ ހާލުގައި ފަރީއާ އިނދެގެން އައުމުން ފަރީގެ މަންމަމެން ވެސް އަހަންނާ މެދު ނުރުހޭނެއޭ ހިތަށް އެރީ… ފަރީ… އެއީ އެ ދުވަސް. އެކަމަކު މިއަދު އަހަރެން މިހިރީ އަމިއްލަ ފައިމައްޗަށް ތެދުވެ. އަލަތު އަނތްބަކަށް ހަދަން ބޭނުންވަނީ ފަރީ… އަހަރެން ވަކި އަހަރެންގެ ފުރަތަމަ ލޯބިމަތިން ހަނދާންނެތޭނެތަ.”

“އަހަންނަށް…. އަހަންނަށް މާފުކުރޭ….” ތަހުސީނުގެ ވާހަކަތައް އަޑުއިވިފައި މޫނުމަތިން ފަރިޔާލު ދެއަތްތިލަ ނަގައި ކަރުނުން ފުރިފައިވާ ދެ ލޮލުން ތަހުސީނަށް ބަލާލަމުން ބުނެލިއެވެ.

“ފަރީ… މާފުކުރަންވީ އަހަންނަށް. ކުށެއްކުރީ އަހަރެން… ފަރީ އެކަނިކޮށްލާފައި ދެވުނީ އަހަންނަށް”

“ނޫން! އަހަންނަކީ ތި ހީކުރާހާ މާތްމީހެއްނޫން. ހަޤީޤަތުގައި ކަންތައްވީގޮތުން އަހަރެން ތަހުސީނަށް ނަފުރަތުކުރިން. ދުވަހަކު ވެސް ތި މޫނު ދުށުމަށް ބޭނުމެއްނޫން… އެކަމަކު އަހަރެން މި ދުނިޔެދެކެ ބިރުގަތީ… ތަހުސީނު އަހަރެން ދޫކޮށްފައި ދިއުމުން މި ދުނިޔެ އަހަންނަށް ކަންތައްކުރާނޭގޮތް އެނގިފައި އަހަންނަށް މަގު އޮޅުނީ… ފާފައިގެ މައްޗަށް ފާފަ ކުރެވުނީ… ދުނިޔެއަށް ދަހިވެތިވެފައި ހުރި ވަރުން…. ލަދުވެތިކަމާއި މަލާމާތުން ސަލާމަތްވުމަށް މަގުކޮށާލީ ފަހަށް ވިސްނާލުމެއްނެތި… މިއަދު އަހަންނަކީ ދިރިހުއްޓެއްކަމަކު އެއްވެސް އުފަލެއް ހާސިލުނުވާ މީހެއް. އެތައް މަރަކުން އަހަރެން މަރުވަނީ އެހެންވެ…. އަހަރެންގެ މި ދެއަތުން އެ ކުށްކުރީ… މި ދެއަތުންނޭ… ތަހުސީނު… މި ދެއަތުން….” ގިސްލެވުމާއެކު ފަރިޔާލުގެ އަޑު ކަނޑައިގެން ދިޔައެވެ. އޭރު ތަހުސީނަށް ހައިރާންކަމެއް ލިބިފައި ހުރިކަން އޭނާގެ މޫނުމަތީގެ ކުލަވަރު ހެކިދެއެވެ.

“އަހަންނަކަށް ނުވިސްނުނު… އަހަރުމެންގެ ދަރިފުޅު މަރުވީތަ؟ ބުނެބަލަ ފަރީ… އެ ދަރިފުޅު މި ދުނިޔެއަށް އުފަން ނުވަނީތަ؟” ވާނުވާނޭނގި ހުރެ ތަހުސީނުގެ ހައިރާންކަމާއި ކަންބޮޑުވުން އިތުރުވަމުންދިޔައެވެ.

އިރުކޮޅަކު ރުއިމަށްފަހު ފަރިޔާލު ހަމައަކަށް އެޅިލުމުން އޭނާ ތަހުސީނާ ވާހަކަދައްކަން ފެށިއެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ކުރިން ފަރިޔާލުގެ އަތުގައި ތަހުސީނު ހިފާލިއެވެ. އަދި ގޮވައިގެން އައިސް ޖޯލީގައި ބެއިންދިއެވެ. ހަމަޖެހިގެން ވާހަކަދައްކަން ތަހުސީނު އެދުނެވެ.

“ކައިވެނިން ބޭރުގައި ބަލިވެ އިނުމުން ކަންތައްވާނޭ ގޮތް ތަހުސީނަށް ވެސް އެނގެއެއްނު. އަހަރެންގެ މަންމަގެ އުންމީދުތައް ގުޅިފައިވަނީ އަހަންނާ… މާލެ ފޮނުވީ ރަށަށް އައިސް އަހަރެންގެ ފަރާތުން ފައިދާތަކެއް ވާނޭކަމަށް. އެހެންވީރު އެހާލުގައި އަހަންނަށް ކިހިނެއް ކެރޭނީ މަންމަގެ ގާތަށް ދާން. ތަހުސީނު ވެސް އަހަރެން ދޫކޮށްލާފައި ދިޔައީ… އޭރު ދެން ހުރީ އައިސްތު. އޭނާ އަބަދުވެސް ބުނޭ ތަހުސީނަކީ މާލޭ މީހެކޭ… އެހާ އިތުބާރުނުކުރައްޗޭ… ލޯބިވިޔަސް ކައިވެންޏަކާ ހަމައަށް ދެވެންދެން އަބުރުރައްކާތެރިކުރައްޗޭ. އެ އެކުވެރިޔާގެ ނަޞޭޙަތުގައި އަހަރެން ނުހިފިއިރު އޭނާއާ ކުރިމަތިލާނޭ ހިތްވަރު ވެސް ގެއްލުނީ. އަހަރެންގެ ހަޤީޤަތް އެނގުމުން އަހަރެން ހުރި ގެއިން ނެރެނުލަނީސް އަވަހަށް އެގެއިން ނުކުންނަން ވެސް މަޖުބޫރުވީ… ތަހުސީނަށް އެނގޭތަ ކިހާ ބޮޑު ނިކަމެތިކަމެއްކަން އަހަންނަށް ދެވުނީ…. މާލޭގައި އަހަރެން އުޅުނީ ކޮންފައްދަ ހާލެއްގައިކަން…” އިސްޖަހާލައިގެން އިނދެ ފަރިޔާލު ވާހަކަދެއްކިއެވެ.

“އަހަންނަށް ފަރީގެ ހާލު އެނގެޔޭ ބުނެފިނަމަ އެ ހެދުނީ ދޮގެއް. ހަޤީޤަތުގައި ފަރީ ކުރިމަތިލި ކަންކަމުގެ ޒަރެއްގެ މިންވަރު ވެސް އަހަންނަށް އަންދާޒާނުކުރެވޭ… އެހެންވެ ފަރީގެ ފަރާތުން ހުރިހާ ކަމެއް އެނގެން ބޭނުންވަނީ. އާން! ފަރީ… އަހަރެންގެ ކުށް އެއީ އަހަރެން ފަރީ ދޫކޮށްލާފައި ދިއުން. އަހަރެން ޖެހޭނެ ކޮންމެ ހާލެއްގައި ވެސް ފަރީއަށް އެހީވާން… އެކަމަކު މިއަދު އެކަމާ ވިސްނާ ހިތާމަކުރުން ނޫންކަމެއް ނުކުރެވޭނެ… ހަމައެކަނި ކޮށްދެވޭނެ ކަމަކީ އެ ދުވަސްތަކަށް ވާވަރަށް ފަރީއަށް އަހަރެންގެ ފަރާތުން ލޯބިދިނުން. ކައިވެނިކުރުން….”

“އަހަންނަށް ރަނގަޅީ ތަހުސީނު އިތުރަށް މާޒީ ނިއުޅަން ނޫޅެ މާލެ ދިއުން… އަދި އޭރުގެ ހަނދާންތަކާ ދުރަށްދިއުން. ސިއްރުވެފައި ހުރި ކަންކަން ސިއްރެއްގެ ގޮތުގައި ބޭއްވުން”

“ފަރީ ސިއްރުކުރަން ބޭނުންވަނީ ކީއްވެތަ؟ އަހަރެން ޖެހިލުމެއްނުވޭ ފަރީއާ ކައިވެނިކުރާކަށް. ފަރީގެ ދަރިއަކީ އަހަރެންގެ ދަރިއެކޭ ބުނާކަށް… އަނެއްކާ… އަނެއްކާ ފަރީގެ ދިރިއުޅުމަށް ބައިވެރިއަކު އައީތަ؟ އެހެންނަމަ އެކަން ވެސް ބުނެބަލަ… އަހަރެން ޤަބޫލުކުރާނަން ފަރީ ބޭނުންވާގޮތެއް”

“އަހަރެން މީހަކާ ގުޅިގެންނެއްނޫން އުޅެނީ… އަހަރެންލައްވާ އިތުރަށް ވާހަކަދައްކުވަން ނޫޅޭ… މިހާރު ވެސް މާގިނަ ވާހަކަދެއްކިއްޖެ. އަހަރެން ފެނިއްޖެއެއްނު… ބައްދަލު ވެސް ވެއްޖެއެއްނު… ދެން ތަހުސީނު ދޭ.. މި ރަށުގައި ހުރުމުގެ ބޭނުމެއްނެތް” ފަރިޔާލު ކުއްލިއަކަށް ޖޯލިން ތެދުވެގެން އެގެއިން ނުކުންނަން ހިނގައިގަތެވެ. އެއާއެކު ތަހުސީނު އެއްލި އަތުން ފަރިޔާލުގެ އަތުގައި ހިފިއެވެ. އަދި އެ އަތަށް ދަމައިގަތުމާއެކު ގާތަށް ފަރިޔާލު ގެނެސްފައި ގަދަކަމުން ފަރިޔާލު ގޮވައިގެން އައިސް ތަހުސީނު ހުންނަ ކޮޓަރިތެރެއަށް ވައްދާ ދޮރުތަޅުލިއެވެ. ދޮރުގެ ހުރަހަށް އެއްއަތް ދަމާލައިގެން ފަރިޔާލަށް ބަލަން ހުރެ ތަހުސީނު ވާހަކަދެއްކިއެވެ.

“މިކޮޓަރިން ދެން ނުކުމެވޭނީ އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބުދީފައި… އަހަރެންގެ ކެތްތެރިކަންކޮޅުންނުލަނީސް ފަރިޔާލުގެ ބަނޑުގައި އޮތް ދަރިފުޅަށް… އަހަރެންގެ ދަރިފުޅަށް ވީގޮތް ކިޔައިދީ… އެހެންނޫނީ ތިހެން ކިތަންމެ އިރަކު އިނަސް އަހަރެން ފަރިޔާލު ދިޔަކަ ނުދޭނަން… އަދިވެސް އަހަރެންގެ ދެއަތުގެތެރޭ ފަރިޔާލު ހިފަހައްޓާލާނޭހާ ބާރު އެބަހުރި… ކީއްވެތަ އަހަރެންގެ ސުވާލަށް ޖަވާބު ނުދެވިގެން ތިއުޅެނީ”

“އަހަންނަކަށް ނޭނގެ އެ ދަރިފުޅަށްވީގޮތެއް” އެތައް އިރެއްވާންދެން ހިމޭނުން އިނދެފައި ފަރިޔާލު ބުނެލިއެވެ.

“ކީއްވެ ނޭނގެންވީ؟” ތަހުސީނުގެ ރާގު ވެސް ބަދަލުވެލިއެވެ.

“އަހަރެން… އަހަރެން ވިހޭކަމެއް އެކަކަށް ވެސް ނޭނގޭނެ. ތަހުސީނު… ވަޢުދުވޭ އެއްވެސް މީހެއް ކައިރީ މިވާހަކަތައް ނުބުނާނަންކަމަށް. އާދޭސްކުރަން….”

“އަހަރެން ފަރީއަށް ދެރައެއްނުދޭނެއެއްނު… އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު ބަލާލަން. އެނގޭ މިހާރު ވަރަށް ބޮޑުވެފައިކަން ހުންނާނީ. ވައްތަރީ އަހަންނާތޯ ނޫނީ ފަރީއާތޯ… އެ ދަރިފުޅުގެ ގާތުން މާފަށް އެދެން ބޭނުން. އެކަމަކު ފަރީ ބޭނުންވަންޏާ އަހަރެން ދުރުގައި ހުރެ ވެސް އެ ދަރިފުޅު ބަލާލާފައި މިރަށުން ހިނގައިދާނަން. އެވަރު ވެސް ފަރީއަށް އަހަންނަށް ކޮށްނުދެވޭނެތަ؟ އަހަރެން ވަޢުދުވަން ފަރީ އިތުރަށް ބަދުނާމުވާވަރުކަމެއް އަހަރެން ނުކުރާނަންކަން… ހަމަ އެންމެ ފަހަރަކު އަހަރެންގެ ދަރިފުޅު އަހަންނަށް ދައްކާލަބަލަ”

“ތަހުސީނު ހޯދަން އަހަރެން މަސައްކަތް ކުރިން. ތިގެއަށް އައިސްތު ވެސް ފޮނުވިން. ތަހުސީނުގެ މަންމަމެން ވަރަށް އެއްޗެތި ގޮވުމަށްފަހު އައިސްތު ފޮނުވާލީ… އޭރު ތަހުސީނު ވެސް ފުރައިގެން ހިނގައްޖެ. އެހެންވެ އަހަންނަށް ގޮތް ހުސްވީ… އަހަރެންގެ ބަދުނާމުގައި އައިސްތު ބައިވެރިކުރަން އަހަރެން ބޭނުންނުވީ…. އެހެންވެ އަތުގައި ހުރި ފައިސާކޮޅާއެކު ކުލީ ކޮޓަރިއެއް ހިފައިގެން ބަދަލުވީ. ސިކުނޑި ފަޅައިގެންދާވަރު ވެފައި އޭރު ހުރީ… ތަހުސީނުދެކެ ވީ ފޫހިން ބޭސްތަކެއް ކާލީ ދަރިފުޅުގެ ކިބައިން ސަލާމަތްވާން. އެކަމަކު އެގޮތެއް މިންވަރެއް ނުކުރެއްވި… އަހަންނަކަށް އެކަމުން ސަލާމަތެއްނުވެވުން… ދުވަހެއް ދުވަހަކަށް ބަނޑުގައި އޮތް ދަރިފުޅު އައީ ބޮޑުވަމުން… އަތުގައި ހުރި ފައިސާކޮޅު ހުސްވާންފެށުމުން ފައިސާ ލިބޭނޭ މަގެއް ވެސް ހޯދަން ޖެހުނީ… އެންމެފަހުން ވަގުތު ޖެހުމުން އަހަރެން ވިހެއީ އެއްވެސް މީހެއްގެ އެހީއަކާ ނުލާ… ހަޤީޤަތުގައި އެގޮތަށް އެކަން ކުރަން މަޖުބޫރުވީ… ހޮސްޕިޓަލަށް ހިނގައްޖެނަމަ އެކުއްޖާއަކީ ކައިވެނިން ބޭރުގައި ވިހޭކުއްޖެއްކަން އެންމެނަށް އެނގޭނެ… އޭރުން އަހަރެން ފަޟީޙަތްވީ… މަންމަ އާއި މުޅިރަށަށް އެ ޚަބަރު ލިބިގެންދާނެ… އެއީ ކޮންފަދަ ގަދަ ވޭނެއް… އެކަމަކު އެ ވޭނަށް ވެސް އަހަރެން ކެތްކުރީ ދުނިޔޭގެ ލަދުވެތިކަމަށްވުރެ އެ ވޭން ވެސް ކުޑަވާނޭކަން އެނގޭތީވެ. އެކަމަކު އެ ކުއްޖާ އަހަރެން ގެންދާނީ ކޮންތާކަށް؟ އެކަމުން ސަލާމަތްވާން ބޭނުންވާއިރު އެއީ އަހަރެންގެ ދަރިއެކޭ ބުނާނީ ކިހިނެއް؟ ތަހުސީނު އަހަންނަށް ދިން އަނިޔާއަކަށް އެކަންވީއިރު އަހަރެންގެ ސިކުނޑިއަށް އެއްވެސް އެއްޗެއް އޭރު ނުވިސްނޭ… އަހަރެން ރަށަށް އައީ އެ ދަރިފުޅު މާލެއަށް ދޫކޮށްލާފައި”

“ދޫކޮށްލާފައޭ… ތިބުނީ ކިހިނެއް ދޫކޮށްލި ވާހަކަ؟ މީހަކަށް ދިނީތަ؟” ތަހުސީނަށް ޤަބޫލުނުކުރެވިގެން އަހާލާ ފަދަ ގޮތަކަށް އަހާލިއެވެ.

“އަހަރެން…. އަހަރެން އެ ކުއްޖާ މަގުމައްޗަށް ދޫކޮށްލާފައި ފުރައިގެން ރަށަށް އައީ…” އިހުނަށްވުރެ ބޮޑަށް ފަރިޔާލު އިސްޖަހާލިއެވެ.

“ކޮންތާކަށް… ކޮންހިސާބަކަށް… އެކުއްޖާއަށް ހެދިގޮތް ކިޔައިދީ” ތަހުސީނު ކުރިއަށް އަޅާލި ފިޔަވަޅާއެކު ފަރިޔާލު ސިހޭގޮތްވިއެވެ. ބޭއިޚްތިޔާރުގައި ތަހުސީނަށް ބަލާލެވުނީ އެހެންވެއެވެ.

“އެ ކުއްޖާ… އަތް.. ދަބަހަކަށް ލައިގެން ގެންގޮސް ކުނިއުކާތަނެއްކައިރީ ބެހެއްޓީ…” ހާސްކަމާއެކު އެއްއަތްތިލައިގެ ތެރޭ އަނެއްއަތްތިލަ ހިފަހައްޓާލައިގެން ހުރެ ފަރިޔާލު ބުނެލިއެވެ. ބުނަން ބޭނުންނުވެފައި ހުރެއެވެ. އެކަމަކު ތަހުސީނަށް ހަޤީޤަތް އޮޅުންފިލަންދެން ސުވާލުކުރާނޭކަން އެނގޭތީވެ ނުބުނެ ނުހުރެވުނީއެވެ.

ހިމޭންވެފައި އިރުކޮޅަކު ތަހުސީނު ހުރީ ވިސްނަން ހުރި ފަދަ ގޮތަކަށެވެ. މަޑުމަޑުން ތުނިކޮށްލާފައި ހުރި ތުނބުޅީގައި އަތްހާކާލުމާއެކު ދެބުމަ ކައިރިވެގެން ދިޔައެވެ. އަދި ފަރިޔާލަށް ބަލާލާފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ.

“ހެންވޭރުކޮޅުގައި ހުރި ކުނި ކޮންޓޭނަރެއް ކައިރިން އަތްދަބަހަކަށް ލާފައި އޮތް ކުއްޖަކު ފެނުނު ވާހަކަ ޚަބަރުތަކުން ކީ އަޑު އަހަރެން ވެސް އެހިން. އެއީތަ…” ފަރިޔާލަށް ތަހުސީނު ބަލާލީ ވަރަށް ވެސް ފުންނަޒަރަކުންނެވެ. އެއާއެކު ފަރިޔާލު އިސްޖަހާލައިގެން ހުރެ މޫނު އެއްފަރާތަށް އަނބުރާލި ގޮތުން ތަހުސީނު ބޭނުންވި ޖަވާބު ލިބިގެން ދިޔައެވެ. އެހިނދު ތަހުސީނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ރޭޝްމާގެ ވާހަކަތައް ކަންފަތުގައި ގުގުމާލިއެވެ.

“ސުބްޙާނަﷲ… މާތް ﷲގެ ކުޅަދުންވަންތަކަން…” ތަހުސީނުގެ ދުލުން ބޭރުވެގެން ދިޔަ ލަފުޒުތަކާއިއެކު އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލެވުމާއެކު ބޮލުގައި ހިފަހައްޓާލިއެވެ.

ތަހުސީނުއާ ނަޒަރު ސީދާކޮށްލަން ނުކެރިފައި ފަރިޔާލު ހުރިގޮތަށް ހުރީއެވެ. އެ ދުވަހު ކުރެވުނު ކަންތަކާ މެދު ފަރިޔާލު ދެރަވެ ހިތާމަކުރެއެވެ. ދަރިފުޅު ދޫކޮށްލާފައި އައީ އަމިއްލަ ހިތާ ދެކޮޅަށް ކަމަށްވިޔަސް އެ ދުވަހު އެ ނޫންގޮތެއް ނެތްކަމުގައި ވިސްނުނީތީ އެގޮތަށް ކަންތައްކުރީއެވެ. ނަމަވެސް އަމިއްލަ ހިތަށް ހަމަޖެހުމެއްނުވެއެވެ. ކޮންމެ ރެޔަކާއި ދުވާލެއް ނިމިދާއިރު އެ ދަރިފުޅުގެ މަތިން ހަނދާންވެއެވެ. ރަށަށް އައިސް އެތައް ދުވަހެއް ވަންދެން އުރަމަތީގައި ރިއްސާވަރުން ނޭވާލާން ވެސް ނުކެރިގެން ފަރިޔާލު އުޅުނު ހަނދާން މިހާރު ވެސް ވެއެވެ. ރެޑިއޯތަކުން ކުނިކޮންޓޭނަރެއް ކައިރިން މީހަކު ތުއްތުކުއްޖަކު ހޮވި ވާހަކައަކީ ފަރިޔާލުގެ ދެ ކަންފަތުން ވެސް އެހި ވާހަކައެކެވެ. އަމިއްލަ ހިތަށް ކިތަންމެ އަސަރެއް ކުރިނަމަވެސް އެ ހިތްމަތީ ހިލަގަނޑެއް ބާއްވާލައިގެން ކެތްކޮށްލައިގެން ހުރީއެވެ. އެހެންނަމަވެސް އެ ދަރިފުޅުގެ ހަނދާންތަކާ ވަތްކެއް ނުވެވުނެވެ. ދަރިފުޅު ވައްޓާލުމަށް އެތައް މަސައްކަތެއް ކުރެވުނީތީ އެކުއްޖާ ވިހޭއިރު އުނިކުއްޖެއްކަމުގައި ވާނޭކަމަށް ފަރިޔާލަށް ހީކުރެވުނެވެ. ނަމަވެސް ދަރިފުޅު ފެނުނުއިރު އޭނާ ފަދަ ދޮންދޮން ކުއްޖެކެވެ. ބޭރުފުށުގައި އެއްވެސް އައިބެއްނެތް ރީތި އަންހެންކުއްޖެކެވެ.

ޚިޔާލަށް ގެއްލި ހުރެ ފަރިޔާލަށް އައިސް ކޮޓަރީގައި ހުރި އެނދުގައި އިށީނދެވުނެވެ. އޭރު އޭނާގެ ކޯތާފަތުން ލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ދަރިފުޅު ދުށުމަށް އޭނާގެ ހިތް ވެސް ގޮވަމުން ދެއެވެ. އެކަމަކު އެކަން ވާނީ ކިހިނެއްކަމެއް ނޭނގެއެވެ. ތަޢުބާވުމަށްޓަކައި ދަންނަވަންވީ ފަރާތަށް ދެންނެވުނު އަދަދު ވެސް ފަރިޔާލަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުމަށް އެއްވެސް ބައިވެރިއަކު ނައިސް ހުރީ އެހެންވެއެވެ. ކުރެވުނު ކުށުގެ މަތިން ހަނދާންނެތޭކަށް ބޭނުމެއްނުވެއެވެ. ދަރިފުޅު އެއްލާލިއިރު އެ ދަރިފުޅުގެ ކުށެއްނެތްކަން ހިތަށް އަރާވަރުންނެވެ. އެ ދަރިފުޅުގެ ކިބައިން ސަލާމަތްވާން ކުރިހާ މަސައްކަތް ބޭކާރު ވުމުން ވެސް އެ ދަރިފުޅުގެ މުހިންމުކަން ފަރިޔާލަށް ނުވިސްނުނީއެވެ. ތަހުސީނު އެނބުރި އަންނާނޭކަން އެނގޭނަމަ ފަރިޔާލު އެ ދަރިފުޅު ދޫކޮށެއްނުލީހެވެ. އޭނާ ވެސް ދިރިއުޅުމަކަށް ބޭނުންވެއެވެ. ތަހުސީނުދެކެ ފޫހިވާން މަސައްކަތް ކުރިޔަސް އޭނާ ފެނުމުން ހިތުގައިވާ ޒަހަމްތައް އާލާވެގެން ދިޔައީ އެ ހިތުގައި އަދިވެސް ތަހުސީނަށް ޚާއްޞަކަމެއް ދެވިފައި ވުމުންނެވެ.

“ފަރީ ކީއްވެ އެހެން ހެދީ… އަހަރުމެންގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަހަންނަށް ފަރީގާތުގައި ނުރުހެވުނެއްކަމަކު އަހަރެންގެ ހިތް އަހަރެން ދިޔައީ ފަރީއަށް ދީފައި… އެއްފަހަރު ވެސް ފަރީއާ ވަކިން އުޅޭން އަހަރެން ނުވިސްނަން. މިހާ ދުވަސްވީއިރު އަހަރެން ދިރިއުޅުމެއް ފެށުމުގެ ކުރިން ފަރީގެ ގާތަށް މިއައީ އެ ފުރުޞަތު އެންމެ ފުރަތަމަ ފަރީއަށް ދޭން… އަހަރެންގެ ދަރިއަކު ހުރިކަން އެނގޭތީވެ އަދި ފަރީއަކީ އަހަރެންގެ ދަރިފުޅުގެ މަންމައަށް ވެފައި އަހަރެން އެންމެ ލޯބިވާ ފަރާތަށްވާތީ… ނުވަމަސްދުވަސްވަންދެން ފަރީގެ ބަނޑުގައި އެ ދަރިފުޅު އޮތްއިރު އެކުއްޖާ ދެކެ ކުޑަކޮށް ވެސް ލޯތްބެއްނުވޭތަ؟ ލޯބިވިނަމަ އެ ދަރިފުޅު އެ ފަދަ ނިކަމެތިގޮތެއްގައި އެއްލައެއްނުލީސް… މި ހުރިހާ އަހަރު ފަރީ ކެތްކުރީ ކިހިނެއް؟ އަހަންނަށް ފަރީ ބަލިވެއިނީ އަހަރެންގެ ދަރިއަކަށްކަން އެނގުމުން އެ ހަނދާންތަކާ ދުރަކަށް ނުދެވުނު… މިއަދު ފަރީ ހޯދަން އަހަރެން އަންނަން ޖެހުނީ ވެސް އެހެންވެ. އެކަމަކު ފަރިޔާލު ތިހުރީ އަމިއްލަ ބަނޑުން ވިހޭ ދަރިފުޅުގެ މަތިން ހަނދާންނައްތާލައިގެން…”

“އަހަންނަށް އެހެން ހަދަން މަޖުބޫރުވީ” ފަރިޔާލު މަޑުމަޑުން ބުނެލިއެވެ.

“ފަރިޔާލަށް އެ ދަރިފުޅުގެ ކިބައިން ސަލާމަތް ނުވެވުނީމާ ވެސް އެއްޗެއް ނުވިސްނުނުތަ؟ އެކަލާނގެ އިރާދަފުޅާއެކު ދުނިޔެއަށް އުފަންވީމާ ވެސް ފަރިޔާލުގެ ހިތަށް އަސަރެއް ނުކުރިތަ؟ އަމިއްލަ ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލާފައި އެއްލާލާއިރު ކިހާ ވޭނެއް އަޅާނެ. އެކަމަކު ފަރިޔާލަށް އެކަން އިހުސާސްވިތަ؟ މިއަދު ﷲ އެ ދަރިފުޅު އަހަންނަށް ދެއްވައިފި…. އަދި އެ ދަރިފުޅަށް ބޭނުންވާ ފަދަ ހެޔޮލަފާ ރަނގަޅު މަޔެއް ވެސް އެ ދަރިފުޅަށް ވަނީ ލިބިފައި… އެ ދަރިފުޅު އުފަންވުމަށް މެދުވެރި ކުރެއްވި ﷲ އެ ދަރިފުޅު ރައްކާތެރިކުރެއްވި. އެކަމަކު މިއަދު އެ ދަރިފުޅު އިން ހާލާ މެދު އަހަރެން ކަރުނަ އަޅަން… މިއަދު އެ ދަރިފުޅަށް އެ ލިބެނީ އަހަރުމެން ދެމީހުންގެ ކުށުގެ ސަޒާ….”

ތަހުސީނުގެ ވާހަކަތަކާއެކު ފަރިޔާލަށް ކޮޅަށް ތެދުވެވުނެވެ. ހަލުވިކޮށް އައިސް ތަހުސީނުގެ ކުރިމަތީ ހުއްޓެމުން ސުވާލުކުރަން ފެށިއެވެ.

“އަހަރެންގެ ދަރިފުޅު ކޮބާ؟ ކޮންތާކު ހުރީ…”

“މިހާރު އެ ދަރިފުޅު ހޯދަން މާލަސްވެއްޖެ. އިއްތިފާގަކުން ވިޔަސް އެ ދަރިފުޅުގެ ބައްޕަގެ މަޤާމަށް އަހަންނަށް އާދެވެން އުޅޭތީވެ ﷲއަށް ޝުކުރުކުރަން. އެ ދަރިފުޅު މިއަދު އިނީ ފަރިޔާލު އެ ދުވަހު އިން ހާލުގައި… އެކަމަކު ފަރިޔާލު ފަދަ އަންހެނެއް ނޫން އެ ދަރިފުޅަކީ… އަހަރެންގެ ދަރިފުޅާއެކު އަހަރެން އަބަދުވެސް ހުންނާނަން….”

“ހެޔޮނުވާނެ ތަހުސީނު… އަހަރެން އެ ދަރިފުޅު ދޫކޮށްލީ ބޭނުންނުވެގެނެއްނޫން. އެ ދަރިފުޅު މިހާރު ކޮބާ؟ ކިހިނެއް ތަހުސީނާ އެ ކުއްޖާ ދިމާވީ. ކީއްވެ އެ ދަރިފުޅުގެ ބައްޕަގެ މަޤާމަށް ތަހުސީނަށް އާދެވެންވީ”

“އަހަންނާ ރޭޝްމާއާ ދިމާވުމުން… ރޭޝްމާ ފެނިފައި ފަރިޔާލުގެ މަތިން އަހަރެން ހަނދާންވީ. ތިފަދަ ރީތިކަމެއް ލިބިފައިވާ އަންހެނެއް އެއީ.. އަހަރެން އޭނާއާ އިންނަން ވަޢުދުވެފައި މިއައީ… އަހަރުމެންގެ ދަރިފުޅު ހޮވީ އޭނާ… އަމިއްލަ ދަރިއެއް ފަދައިން އެކުއްޖާ ބޮޑުކުރީ އޭނާ. އެއްވެސް ކަމެއް އެ ދަރިފުޅަށް އުނިވިޔަ ނުދީ ބެލެހެއްޓީ އޭނާ… އެކުއްޖާ ރޭޝްމާ ހޮވިކަމަށް ބުނަނީ ފަރިޔާލު އަހަރުމެންގެ ދަރިފުޅު އެއްލާލިތަނުން. އަތްދަބަހުގެ ތެރެއިން އެ ތުއްތު މޫނުފެނުމުން އޭނާގެ ހިތުގައި މާތްﷲ ރަޙުމާއި މައިވަންތަކަމުގެ ލޯބި އުފެއްދެވީ… އަހަރެން ރޭޝްމާ ބަލައިގަތީ އޭނާގެ ދަރިފުޅާއެކު… ފަހަރެއްގައި ވެސް އެއީ އަހަރެންގެ ދަރިފުޅުކަން އެނގި ހުރެއެއްނޫން…”

“އަހަންނަށް މާފުކުރޭ ތަހުސީނު…” ބާރަށް ރޮވުމާއެކު ތަހުސީނުގެ ފައިބުޑަށް ފަރިޔާލު ވެއްޓުނެވެ. އަދި ތަހުސީނުގެ ފައިގާ ހިފަހައްޓާލައިގެން މާފަށް އެދެމުންދިޔައެވެ. ތަހުސީނު ގުދުވެލާފައި ފަރިޔާލު ކޮޅަށް ނެގިއެވެ. އަދި އޯގާތެރިކަމާއެކު ފަރިޔާލުގެ ދެ ކޯތާފަތް ފުހެލަ ދީފައި ގެނެސް މޭގައި ފަރިޔާލު ޖައްސާލިއެވެ.

“އަހަރެން ފަރިޔާލަށް މާފުކޮށްފިން… އެކަމަކު މިއަދު އަހަރެންގެ ހިތުގައި ފަރިޔާލަށް ދެވިފައިވާ މަޤާމަށްވުރެ ރޭޝްމާއަށް ދެވުނު ގަދަރު ބޮޑުވެއްޖެ. އޭނާ އަހަރެންގެ ދަރިފުޅަށްޓަކައި ގުރުބާންވާން ތައްޔާރަށް ހުރި ހުރިމަކީ އަހަރެންގެ ހިތުގައި ރޭޝްމާ ޚާއްޞަވެގެން ދިޔަ ސަބަބެއް. މިއަދު އެ ދަރިފުޅު ފަރިޔާލުގެ ހިޔާވަހީގައި ހުރި ނަމަ އެ އިން ހާލު ފަރިޔާލަށް ތަޙައްމަލެއް ނުކުރެވުނީސް…. ފަރިޔާލުގެ ބަނޑުގައިވާ ދަރިފުޅަށް ކަންތައްކުރި ފަދައިން ކަންތައް ކުރަން އެ ދަރިފުޅަށް ފަރިޔާލު މަޖުބޫރުކުރާނޭކަން އަހަންނަށް އެނގޭ… ދުނިޔޭގެ ލަދަކަށް ފަރިޔާލަކަށް ކުރިމައްޗެއް ނުލެވޭނެ… މިއަދު އަހަރެންގެ ދަރިފުޅު އިނީ ނަހަލާލަށް ބަލިވެ. ކޮންމެ ފަދަ ވަގުތަކު އޭނާ ވިހާފާނެ… ﷲއީ ކުޅަދުންވަތަ ރަސްކަލާނގެ. އެ ދަރިފުޅަށްޓަކައި އަހަރެން އެގެއަށް ފޮނުވީ އިމްތިހާނު ކުރުމަށްކަން ޔަޤީން… އަހަރެން ލަދެއް ނުގަންނާނެ އެއީ އަހަރެންގެ ދަރިއެކޭ ބުނާކަށް. އަދި އޭނާ ބަލިވެއިނީ ނަހަލާލަށްކަމަށް ވިޔަސް އެ ދަރިފުޅާއެކު އަހަރެން ހުންނާނަން. ދުނިޔެ ކުރިމަތިކުރުވާ ކޮންމެ ކަމަކާ އެ ދަރިފުޅު ކުރިމަތިލާނީ އަހަންނާއެކު…. އެ ދަރިފުޅުގެ ބައްޕައާއެކު….” ތަހުސީނަށް ވެސް ރޮވިއްޖެއެވެ. އޭރު ތަހުސީނުގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ފަރިޔާލު ވެސް ރޮމުން ދިޔައެވެ.

އޮއްސުނު އިރާއެކު ގޯތިތެރެ އަނދިރިވެ ކޮޓަރި ވެސް އަނދިރިވަމުން ދިޔައެވެ. ތަހުސީނެ އަތުގެތެރޭގައި އެ މޭގައި މޫނު ޖައްސާލައިގެން ހުރި ގޮތަށް ފަރިޔާލު ހުއްޓެވެ. ދެމީހުންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް އޭރު ހުއްޓުމެއް އަތުވެއްޖެއެވެ. ވައަތުގެ އިނގިލިތަކުން ތަހުސީނު އޭނާގެ ދެ ލޯ ފުހެލިއެވެ. އަދި ފަރިޔާލު ދުރުކޮށްލާފައި އައިސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ފަރިޔާލު ހުރީ ދައްކާނޭ ވާހަކައެއް ނޭނގިފައި ހުރި ހެންނެވެ. ތަހުސީނު އައިސް އެނދުގައި އިށީނުމުން އޭނާއާ ދިމާއަށް އެނބުރިލަމުން ބަލަހައްޓައިގެން ފަރިޔާލު ހުއްޓެވެ. އެހެން ހުއްޓާ އެނދުގެ އެއްފަރާތުގައި ތަހުސީނުގެ ކައިރީ އެނދުގައި އަތްޖަހާލަމުން ބޮލުން އިޝާރާތްކޮށްލީ އެތަނުގައި ފަރިޔާލު އައިސް އިށީނުމަށެވެ. ލުއި ހިނިތުންވުމަކާއެކު ތަހުސީނު ހިނިތުންވެލަމުން ފަރިޔާލަށް ބަލާލިއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ހައިރާންވެފައި ފަރިޔާލަށް އިނދެވުނީއެވެ. އެހެން އިންދާ ތަހުސީނު އޭނާގެ ފޯނު ފަރިޔާލަށް ދައްކާލިއެވެ. އިސްކުރީނުން ފެންނަމުން ދިޔަ ފޮޓޯގަނޑުގައިވާ ދެ އަންހެނުންގެ ތެރެއިން ޒުވާން ކުއްޖާގެ މޫނުގައި ތަހުސީނު އިނގިލިޖައްސާލިއެވެ. އެއާއެކު ފަރިޔާލުގެ ދެލޯ ފުރިގެން އައެވެ. އެނބުރި ތަހުސީނަށް ބަލާލެވުނެވެ.

“ޒޫރިން… ފަރިޔާލުހާ ރީތި…” ތަހުސީނު މިހެން ބުނުމުން ފަރިޔާލަށް ހިނިތުންވެލުމާއެކު ދެ ލޯ އަވަސްއަވަހަށް ފުހެލީ ދަރިފުޅުގެ ފޮޓޯ ރަނގަޅަށް ބަލާލުމަށެވެ. އެ ފޮޓޮއަށް ބަލަން އިނދެ ބޭއިޚްތިޔާރުގައި ފަރިޔާލަށް އަމިއްލަ ބަނޑުގައި އަތްޖައްސާލެވުނެވެ. ބަނޑުގައި އެ ދަރިފުޅު އޮވެ ކުރަމުން ދިޔަ ސަމާސާތަކަކީ ދަރިފުޅުގެ ފަރާތުން އެންމެ ގިނަ ދުވަހަށް ރައްކާކުރަން ފަރިޔާލަށް ލިބުނު ހަނދާންތަކެވެ. ދެރަވެގެން ގޮސް ތަހުސީނުގެ ކޮނޑުގައި ފަރިޔާލަށް ބޯއަޅާލެވުނެވެ. އެއާއެކު ފަރިޔާލުގެ ކޮނޑުގައި ތަހުސީނު ހިފަހައްޓާލަމުން އޭނާގެ ބޯ ފަރިޔާލުގެ ބޮލުގައި ޖައްސާލައިގެން އިނދެ ޒޫރިންގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

ތަހުސީނުގެ ވާހަކަތަކުން ފަރިޔާލުގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ ދެ ލޮލުން ފާޅުވަމުން ދިޔައެވެ. ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަޔާއެކު ދޭތެރެއަކުން ދެ ލޯ މަރާ ބާރުކޮށްލައެވެ. މެޔާ ދިމާލުން ކަނާތު އަތްތިލަ ޖައްސާލާ އޮބާލާ ގޮތުން ހީވަނީ އެތެރެ ހަށީގައި ފަރިޔާލުގެ ހިތް ކުދިކުދި ވަމުން ދަނީ ހެންނެވެ. ދަރިފުޅަށް ކަންތައް ދިމާވިގޮތް ތަހުސީނުގެ ދުލުން ކިޔައިދެމުން ދިޔައިރު އެ ދަރިފުޅު އުޅޭނޭ ހާލު ފަރިޔާލުގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. އެހެންނަމަވެސް މިއަދު އެ ދަރިފުޅުގެ މަންމައަކީ ފަރިޔާލޭ ބުނަން އޭނާ ޖެހިލުންވެއެވެ. ބޭނުންނުވެގެން އެއްލާލި ދަރިފުޅާ ކުރިމަތިލާނޭ ހިތްވަރެއް އޭނާގެ ނެތެވެ.

“ފަރީ…. އަހަރެން ކުޑަކޮށް ވެސް އުންމީދުކުރި ގޮތަކަށް ނޫން މިވީ. އަހަރުމެންގެ ދަރިފުޅުގެ ވާހަކަ ދައްކަން ފަރީއަށް އުނދަގޫވީ އެ ދަރިފުޅު ދުނިޔޭގައި ނެތީމައި ކަމަށް އަހަންނަށް ހީކުރެވުނީ. އެއްފަހަރު ވެސް ހިތަކަށް ނާރާ ފަރީ އެކުއްޖާ އެއްލާލަފާނެއޭ…”

“އެ ކުށް ވެސް އަހަންނަށް މިވަނީ ކުރެވިފައި. އެކަމަކު ހުވާކޮށްފައި މިބުނަނީ އެންމެ ދުވަހެއް ވެސް ނުދާނެ އަހަރެން އެ ދަރިފުޅު މަތިން ހަނދާންނުކުރާ. އަހަންނަކީ ދުނިޔޭގެ ލަދަށް ފިލަން ދުވި ފިނޑިއެއްކަން އެނގޭ… ކުޑަކުޑަ ހިތްވަރެއްކޮށްފައި އެ ދަރިފުޅު ގޮވައިގެން ރަށަށް އައިނަމަ މިއަދު މި ކުރެވޭ ހިތްދަތި އިހުސާސްއެއް ނުކެރުވުނީސް. އެއްކަމެއް ވެސް އަބަދަކު ދެމިއެއް ނޯންނާނެކަން އެނގޭ… އެ ދަރިފުޅު ރަނގަޅު ގޮތުގައި ބޮޑުކުރިނަމަ މިއަދު އަހަންނަކީ ކުށްވެރިއަކަށް ނުވީސް… އެކަމަކު ވަގުތު މިވަނީ ފާއިތުވެފައި… އެތައް އަހަރަކަށްފަހު މިހާރު ދަރިފުޅުގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަހަރެންގެނެތް. އެހެންނަމަވެސް އަހަންނަށްޓަކައި ތަހުސީނު އައީތީވެ އަހަރެން އުފާކުރަން…. އަހަރެން ކަހަލަ އަންހެނަކަށް އެވަރުން ފުއްދާލުން ރަނގަޅުވާނީ…”

“ފަރިޔާލު…” ތަހުސީނުގެ ގާތުގައި އިނދެފައި ފަރިޔާލު ތެދުވުމާއެކު އޭނާއަށް ތަހުސީނު ގޮވާލިއެވެ.

“އަހަރެން ދެން މިދަނީ… ތަހުސީނު އުންމީދުކުރިގޮތް ނުވިނަމަވެސް މިހާރު ހަޤީޤަތް އޮޅުންފިލައިފިއެއްނު. ދެން އިތުރަށް އަހަރެން މި ކޮޓަރީގައި މަޑުކުރާނަމަ އިތުރު ބަދުނާމެއްވެދާނެ” ފަރިޔާލު މިހެން ބުނެ ދެ ލޯ ފުހެލާފައި އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް އޭނާއަށް ދެ ލޯ މަރާ ބާރުކޮށްލެވުމާއެކު މޭގައި އަތްއަޅާލެވުނެވެ. ތަހުސީނު އޭނާ ހުއްޓުވާނެނަމައޭ ހިތުގައި އޮތެވެ. ފަރިޔާލަށް އެނބުރި ތަހުސީނަށް ބަލާލެވުނީ އެހެންވެއެވެ. ނަމަވެސް ތަހުސީނު ހުރި ފިޔަވަޅުމަތީ އިސްޖަހާލައިގެން ހުއްޓެވެ. ލިބުނު ނުތަނަވަސްކަމާއެކު ހަލުވިކޮށް ހިނގާފައި ފަރިޔާލު އެ ކޮޓަރިން ނުކުމެގެން އައި ގޮތަށް ހިނގުން މަޑުވީ އެ ގެއިން ވެސް ނުކުމެވުނު ފަހުންނެވެ.

ބޮލުގައި ހިފަހައްޓާލައިގެން ތަހުސީނަށް އެނދުގައި އިށީނދެވުނެވެ. ކަންތައްވީގޮތުން އޭނާ ވެސް ދެރަވެއެވެ. ފަރިޔާލަށް މާފުކުރި ނަމަވެސް އޭނާ ހުއްޓުވަން އަމިއްލަ ޟަމީރު އެއްބަހެއް ނުވިއެވެ. މަޤުރިބު ނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުނީ ތަހުސީނު އެހެން އިންދައެވެ. ސިކުނޑި އާއި ނަފްސަށް ހަމަޖެހުމެއް ހޯދުމަށްޓަކައި ތަހުސީނު ގެއިން ނުކުތީ މިސްކިތަށް ދިއުމަށެވެ. އޭރުން އޭނާގެ ފިކުރުތަކަށް ނިމުމެއް އައިސް ކުރިއަށްދާންވީ މަގު ސާފުވެދާނޭކަމުގެ އުންމީދުގައި ހުރެއެވެ.

ގެއަށް އައިސް ވަންއިރު ފަރިޔާލުގެ ޠަބީޢަތް ރަނގަޅު ނޫންހެން އޭނާގެ މަންމަ ނާހިދާއަށް ހީވިއެވެ. އެހެންނަމަވެސް ނަމާދު ވަގުތު ކަމަށްވާތީ އެވަގުތު އެއްވެސް ސުވާލެއް ނުކޮށް މަޑުކޮށްލީއެވެ.  އިޝާ ނަމާދުން ފައިބައިގެން ކޮޓަރިން ނާހިދާ ނުކުންއިރު ސިޓިންރޫމު ސޯފާގައި ފަރުހާދު އިންދާ ފެނުނެވެ.

“ނަމާދަށް ވެސް ނުގޮސް ދޯ ތިއިނީ. ބަދިގޭގައި އުޅެނީ ކާކު” ބަދިގެ ފަރާތް ދިއްލާފައި ހުރި ތަން ފެނި ނާހިދާ ސުވާލުކުރިއެވެ.

“ދެންމެ ކުޑާ އެ ދިޔައީ. ހީވަނީ ހާނިމްބޭބެއަށް ކާން ހަދަންހެން” ފަރުހާދުގެ ޖަވާބު އިވިފައި ނާހިދާ ހިނގައިގަތީ ފަރިޔާލުގެ ކޮޓަރިއާ ދިމާއަށެވެ. އެހެންޏާ ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ސުފުރާމައްޗަށް ނެގުމުގައި އުޅޭނީ ފަރިޔާލެވެ. އެކުން ނާހިދާ ނުކުމެގެން އެއައީ ފަރިޔާލުއާ ވާހަކަ ދައްކާލަން ވެގެން ހިތަށް އަރުވާލައިގެންނެވެ. ހަވީރު ގެއިން ނުކުމެގެން ދިޔަ މީހާ އައީ އިރުއޮއްސުނުފަހުންނެވެ. އައިއިރު ހުރީ މުޅި މީހާއަށް ފާޑެއްގެ ގޮތެއްވެފައިކަން ނާހިދާއަށް ފާހަގަކުރެވުނެވެ.

“ދަރިފުޅާ… ފަރިޔާލު…” ފަރިޔާލުގެ ކޮޓަރީގައި ޓަކިދެމުން ނާހިދާ ގޮވާލިއެވެ. ނަމަވެސް އެތެރެއިން ޚަބަރެއްނުވިއެވެ. އެހެންވެ އަނެއްކާ ވެސް އޭނާ ފަރިޔާލަށް ގޮވާލިއެވެ. ދޮރުހުޅުވާލަން ތަޅުގެ އަތްގަނޑުގައި ހިފާ އަނބުރާލިއިރު ދޮރުހުރީ ތަޅުލާފައެވެ.

ރޭގަނޑުގެ ކެއުމުގެ ކަންކަން ނިންމާފައި ފާތިން ތަށިތައްނެގިއެވެ. އޭރު ވެސް ފަރިޔާލު ކާން ނުނިކުންނާތީ ނާހިދާ އިނީ ކަންބޮޑުވެފައެވެ. ފާތިން އާއި ފަރުހާދު ވެސް ފަރިޔާލު ނުނިކުންނާތީ އެކަމާ ސުވާލުކުރަން ފެށިއެވެ. އަބަދުހެން ގޭތެރޭގައި އެއްކަމެއް ކޮށްލާފައި އަނެއްކަމެއް ކޮށްލާފައި އުޅޭ ފަރިޔާލަކީ އެނދުގައި ކަންނެތްވެފައި އޮވެވޭނޭ މީހެއްނޫންކަން ޢާއިލާގެ ހުރިހާ މެންބަރުންނަށް ވެސް އެނގެއެވެ. ފަރިޔާލާމެދު އެންމެން ކަންބޮޑުވާން ޖެހުނީ އެހެންވެއެވެ.

ނާހިދާ އައިސް ފަރިޔާލަށް ގޮވަމުން އޭނާގެ ކޮޓަރީގައި ޓަކިދޭން ފެށިއެވެ. އެންމެފަހުން ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން ފަރިޔާލު ހުއްޓެވެ. ކޮޓަރިތެރޭގައިވަނީ ކަޅުއަނދިރިކަމެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުން ދަށަށް ގޮސްފައިވާ ނާހިދާގެ ލޯ ތަންކޮޅެއް ރަނގަޅަށް ފަރިޔާލަށް ބަލާލުމަށް ހަރަކާތްކޮށްލިއެވެ.

“ދަރިފުޅު ކީއްތަ ތިކުރަނީ. ހާދަ އަނދިރިކޮށްލައިގެން… ނޫނީ މަންމައަށް ފެންނަ ގޮތްތައް. މަންމަ ވަންނަންތަ؟” ނާހިދާ ވާހަކަދައްކަމުން ދޮރުފަތުގައި އަތްޖައްސާލިއެވެ. އެއާއެކު އިސްޖަހާލައިގެން ހުރެފައި ފަރިޔާލު ބޯޖަހާލަމުން ދޮރުހުޅުވާލިއެވެ. އަދި އަތްޖެހޭ ހިސާބު ފާރުގައި ހުރި ސުވިޗަށް އޮބާލުމާއެކު ކޮޓަރިތެރެ ފަނޑުފެހި ކުލައަކުން އަލިވެގެން ދިޔައެވެ.

ނާހިދާ ވަނުމުން ކޮޓަރީގެ ދޮރުލައްޕާފައި ފަރިޔާލު އައިސް އެނދުގައި އިށީނެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ނާހިދާ ވެސް އައިސް އިށީނީ ފަރިޔާލުގެ ގާތުގައި އެނދުގައެވެ. އަދި ނިކަން ލޯތްބާއެކު ފަރިޔާލުގެ ކޮނޑާއި ބުރަކަށީގައި ފިރުމާލިއެވެ.

“ފަރިޔާލު ހަވީރު ބޭރަށް ގޮސްފައި އައިފަހުން ފާޑަކަށް ހުންނަކަން މަންމައަށް ފާހަގަވެގެން އެކަމާ ވާހަކަދައްކާލަން މިއައީ. ދުންޏާ އައި ދަރިފުޅު ހޯދަން… އެހެންވެ މަންމައަށް އެނގުނީ ދަރިފުޅު ސުކޫލަކަށްނޫންކަން ދިޔައީ. އަޅެ މަންމަ ގާތު ބުނެބަލަ ތި ވެގެން އުޅޭގޮތެއް. ފަރިޔާލު މާލެ ފޮނުވުން އެއީ މަންމައަށް ކުރެވުނު ކުށެއްތަ؟ މަންމައާ އެހާ ގާތްކޮށް އުޅުނު ކުއްޖަކު މާލެ ގޮސްފައި އައިއިރު ހުރީ މުޅިން ބަދަލުވެފައި. ދަރިފުޅު އެއްވެސް ކަމެއް މަންމައާ ޚިއްޞާއެއްނުކުރޭ… ފިކުރުބޮޑުވެފައި ހުއްޓާ ފެނިގެން އަހާލިޔަސް ދުވަހަކު ވެސް ނުބުނާނެ… މަންމަ ވަރަށް އުފާވޭ ފަރިޔާލު ކަހަލަ ދަރިއަކު ލިބުނީތީ. ބައްޕަނެތް ދުނިޔޭގައި މި ޢާއިލާގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ ފަރިޔާލު އަމިއްލައަށް. އެއްވެސް ޝަކުވާއެއްނެތި… ކޮންމެ ކޮންމެ އަންހެންކުއްޖަކަށް ތިވަރުގެ ބޮޑު ގުރުބާނީއެއް ޢާއިލާއަށް ނުވެވޭނެ… އަމިއްލަ ދިރިއުޅުމާ މެދު ވެސް ފަރިޔާލު ނުވިސްނާ… ކައިވެންޏެއް ކުރަން ދުވަހަކު ވެސް ބޭނުން ނުވާ ކަހަލަ….އެކަމަކު މިހާރު ދެން ތި އުޅުން ހުއްޓާލަންވެއްޖެ. އަމިއްލަ ނަފްސާ މެދު ވިސްނާލަންވެއްޖެ…” ނާހިދާގެ ވާހަކަ ހުއްޓުމަކަށް އައީ ފަރިޔާލަށް ނުހިފެއްޓިގެން ރޮއެގަތުމުންނެވެ. މޫނުގައި ދެއަތް އަޅައިގެން އިނދެ ގިސްލެވިފައި ރޯއިރު ކުޑަކުއްޖަކު ފަދައެވެ.

“މަގޭ ދަރިފުޅަށް ބޮޑު ހިތާމައެއް ކުރިމަތިވެއްޖެކަން ޔަޤީން…” ކުއްލިއަކަށް ނާހިދާގެ ޟަމީރު އޭނާގެ ގާތުގައި ބުނެލި ކަހަލައެވެ. ކަންބޮޑުވެފައި ފަރިޔާލުގެ ކޮނޑުގައި އަތްޖައްސާލަމުން ދަރިފުޅާ ދިމާއަށް ނާހިދާ އެނބުރިލިއެވެ.

“ކިހިނެއްވީ ފަރިޔާލު؟ ރޮވެނީ ކީއްވެ؟ މަންމައަށް އެއްޗެއް ބުނެވުނީތަ؟ ހެދުނު ގޯހެއް ރަނގަޅުކުރަން އެނގޭނީ ވެސް ދަރިފުޅު ބުނީމައެއްނު” ހިތްނުތަނަވަސްވެފައި އިނދެ ނާހިދާ ވާހަކަދެއްކިއެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *