“މިހާރު އެ އޮތީ މަރުވެފަ، މިކަން މި ނިމުނީނު… ޝާމާ، ކީއްވެފަތަ ތިހުންނަނީ، އޭނާ އެއޮތީ މަރުވެފައޭ.” އާމިލް މަޑު ހިނގުމުގައި އައިސް ޝާއިނާގެ ކުރިމަތީ ހުއްޓުނެވެ.
“ވީކަމެއް ނުވާކަމަކަށް ނުވާނެ، އެހެންނޫނަސް ޝާމާ އަބަދުވެސް ބުނަމެންނު ޝާއިނާ މަރާލެވޭނެނަމައޭ، އަހަރެން އެކަން މިކޮށްދިނީ ހަމަ ޝާމާއަށް ޓަކައި، ނައު ކާމް ޑައުން، އޯކޭތަ؟” އާމިލް ބުންޏެވެ.
“އެހެންވިޔަސް… މިކަން ރިޕޯޓު ކުރަން ޖެހޭނެއެއްނު، މީ… މީ އަމިއްލަ ސަލާމަތަށްޓަކައި ކުރެވުނުކަމެއް.” ޝާއިނާ ހިތްވަރުކޮށްފައި ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. އޭނާއަކީ އަދިވެސް އާމިލްގެ ކުރިމަތީ ޝާމާއެވެ. އޭނާގެ ނަޒަރުގައި އެ މަރާލީ ޝާއިނާއެވެ.
“ތިބުނީ؟” އާމިލް އެއްސެވެ.
“އޭނާ ވަޅިހިފައިގެން ދުވެފައި އައިގޮތް ފެނުނެއްނު، އަހަރެން ހެކިބަސް ދޭނަން އަމްމުގެ ކުށެއްނެތްކަމަށް، އަމްމު ކުރިކަމެއްކުރީ ސެލްފް ޑިފެންސްގެ ގޮތުގައި… މިކަމުގައި އެއްވެސް ގޯހެއްނެތް، އަހަރެން… އަހަރެންނަށް އިތުބާރުކުރަމެންނު؟ ނޫންތަ؟ އައި ލަވް ޔޫ ޓޫ އަމްމު…” ޝާއިނާގެ ހަޤީޤީ އިޙުސާސްތައް ވަންހަނާ ކޮށްގެން ހުރެ އޭނާ ހިނިތުންވިއެވެ.
“ޝާމާ…” ލޯބިން ފުރިގެންވީ ފަދަ ގޮތަކަށް އާމިލް ގޮވާލިއެވެ.
* * * * *
ޖެހިގެން އައި ދުވަހު ރާއްޖޭގެ ހުރިހާ ނޫސްތަކެއްގައި، ޒުވާން އަންހެންކުއްޖަކަށް ވަޅިން ހަމަލާދީ މަރާލެވިފައިވާކަމުގެ ޚަބަރު ލިޔެވުނެވެ. ކުއްލި ގޮތަކަށް ޝާމާއާއި ޝާއިނާގެ މައިންބަފައިން ވެސް ރާއްޖެ ގެނެވުނެވެ. ޒީނިޔާއަށް ވެސް އިވުނު ޚަބަރު ޤަބޫލުކުރަން ދަތިވިއެވެ.
ހަފްތާއެއް ފަހުން މައްސަލަ ކޯޓަށް ވަނެވެ. އާމިލްއާ އެއްކޮޅަށް ވަކާލާތު ކުރި ވަކީލު، ޤާޟީއަށް ބުނެދޭން މަސައްކަތްކުރީ، ޝާއިނާގެ މަރަކީ ނަފްސު ހިމާޔަތްކުރަން އުޅުމުގައި މީހަކު މެރުމުގެ ގަސްދެއްނެތި ހިނގި ހާދިސާއެއްކަމެވެ. އާމިލްގެ މީގެ ކުރީގެ ކުށުގެ ރިކޯޑެއްނެތުމާއި އޭނާއަކީ ރަނގަޅު ވަޒީފާއެއް އަދާކުރަމުން އަންނަ ޒިންމާދާރު ޒުވާނެއްކަމެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމުގައިވީ ޝާމާއާ މެދު ޝާއިނާގެ ހިތުގައި އޮންނަ ހަސަދަވެރިކަމޭ އާމިލް އޮތީ ބަޔާނުގައި ވެސް ބުނެފައެވެ. އަދި ޝާއިނާ މަރުވީ އާމިލްގެ އަތުން ނޫންކަމާއި، އެކަންވީގޮތް ކިޔާދެމުން ވަކީލު ބުނީ ޝާމާއާއި ޝާއިނާގެ ކުރިމަތިލުން ހުއްޓުވުމަށް އެ ދެމެދަށް އާމިލްވަން ވަގުތު ޝާއިނާ އަމިއްލަ ގަޔަށް ވަޅި ހަރާލީކަމެވެ. އަދި އެ ވަޅިއަކީ ޝާއިނާގެ ގޭގެ ބަދިގޭގައި ބޭނުންކުރަމުން އައި ވަޅިއެއްކަން ވަކީލު ފާހަގަކުރިއެވެ. ހަމަލާދޭން ރާވައި އެކަމަށް ޢަމަލުކުރި މީހަކީ ޚުދު ޝާއިނާކަމެވެ. އާމިލް އެ ދެމެދަށް ނުވަންނަމަ ޝާމާގެ ދުވަސް ޝާއިނާ ދުއްވާލާނޭކަން ޔަގީންވާކަމެވެ.
ހާދިސާ ހިނގީ ކިހިނެއްކަން އެނގެން އޮތީ ހަމައެކަނި އެތަނުގައި އެވަގުތު ތިބި ބަޔަކަށް އެކަންޏެވެ. ކައިރީ ސަރަޙައްދެއްގައި ވެސް އެއްވެސް ކެމެރެއާއެއް ނެތެވެ. އެހެންވެ ކަންތައް ހިނގައި ދިޔަ ގޮތް އެނގެން އޮތީ އެވަގުތު އެތަނުގައި ތިބި ޝާމާއާއި އާމިލްގެ ބަޔާނާއި ހެކިބަހުން އެކަންޏެވެ. ނަމަވެސް ޝާމާ ވަނީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަން ޚިޔާރުކޮށްފައެވެ. އާމިލްގެ އިނގިލީގެ ނިޝާން ވަޅީގައި ހުއްޓެއްކަމަކު، ޝާމާގެ ބަހެއް ނުލިބުމަކީ އާމިލްއަށް ލިބުނު ކުރިއެރުމެއްކަމުގައި އޭނާ ދުށްޓެވެ. ވަކީލުގެ ވާހަކަ ނިންމާ ދަޢުލަތުގެ ވާކީލަށް ފުރުޞަތު ދިނެވެ. އާމިލްގެ ހުރިހާ ހީކުރުންތަކެއް ބަދަލުވީ ދެނެވެ. ދަޢުލަތުގެ ވަކީލު ބުނީ ހާދިސާ ހިނގިއިރު އެތަނުގައި އާމިލްއާއެކު ދެން ހުރި ފަރާތުގެ ސިއްރު ހެކިބަސް ލިބިފައިވާކަމެވެ. ކޯޓަށް ހާޒިރުވާން ބޭނުންނުވީ އާމިލްއާ ކުރިމަތިލާން ހެކިބަސް ދިން ފަރާތުން ބިރުގަންނާތީކަން ވެސް ވަކީލު ފާހަގަކުރިއެވެ. އެހިނދު އާމިލްއާއި އޭނާގެ ވަކީލާ ދެމެދު ބަދަލުކޮށްލެވުނީ ސުވާލުގެ ނަޒަރެކެވެ.
ދަޢުލަތުގެ ވަކީލު، ސިއްރު ހެކިބަސް ދިން ފަރާތުގެ ރިކޯޑިން އިއްވިއެވެ. މަރުވީ ނިބޫ ދެބެންގެ ތެރެއިން ކޮއްކޮކަން އެނގުނު ހިނދު އާމިލްގެ ދެ ލޯ ބޮޑުވިއެވެ. އެއީ ދޮގޭ ބުނެ އާމިލްއަށް ހަޅޭލަވައިގަނެވުނެވެ. ވަކީލު އޭނާ ހުއްޓުވަން މަސައްކަތްކުރިއެވެ. ދަޢުލަތުގެ ވާކީލުގެ އަޑު ގަދަވިއެވެ. އާމިލްއަށް ހަނުހުރުމަށް ޤާޟީ ގޮވާލިއެވެ. ދަޢުލަތުގެ ވާކީލު އާމިލް ކުށްވެރިކުރިއެވެ. ހެކިފޮރުވަން ބާރުއެޅިކަމުގެ ތުހުމަތު އާމިލްގެ ބޮލުގައި އެޅުނީ ޝާއިނާ ދީފައިވާ ހެކިބަހުގެ ސަބަބުންނެވެ. ކޮއްކޮ ޝާމާއަށް އޭނާ ވާން ޖެހުނު ގޮތް ވެސް އެ ރިކޯޑިންގައި ޝާއިނާ ކިޔާދީފައި ވިއެވެ. އޭނާ ހުރިގޮތުން އާމިލްއަށް އޮޅުނީކަމާއި، އަމިއްލަ ފުރާނަ ސަލާމަތްކުރަން ބޭނުންވެފައި ހުރިވަރުން އާމިލްއަށް ވެސް ހަޤީޤަތް އޮޅުވާލީކަން ޝާއިނާ ބުނެފައިވިއެވެ. އެހިނދު އާމިލް އަނެއްކާ ވެސް ހަޅޭލަވައިގަތެވެ. ޝާއިނާކަން މަރުވީ އޭނާ ބުނަންފެށިއެވެ. އަދި ޝާމާ ބޭނުންވަނީ ޝާއިނާއަށް ވާންކަން އާމިލް ބުނަމުންގެންދިޔައެވެ. ޤާޟީ ދިން އިންޒާރާއެކު އާމިލް އަލުން އިށީނެވެ. އެއާއެކު ދަޢުލަތުގެ ވާކީލު ރިކޯޑިން ކުރިއަށް ގެންދިޔައެވެ. ޝާމާގެ ގަޔަށް ވަޅި ހެރިފައި ހުއްޓަސް އޭނާ މަރުނުވާކަން އެނގުމުން ހޮސްޕިޓަލަށް ގެންދަން ޝާއިނާ ބޭނުންވި ހިނދު، އާމިލް ބޭނުންވީ ޝާމާ މަރާލަންކަން ޝާއިނާ ކިޔާދިނެވެ. އެހެންވެ އާމިލް އެނބުރި ޝާމާގެ ކައިރިއަށް ގޮސް ހެރިފައި ހުރި ވަޅި އުފުރާލައި ޝާމާގެ ހަށިގަނޑަށް ހަފަހަރު މަތިން ވަޅި ހެރިތަން ޝާއިނާ ދުށްކަން ބުންޏެވެ. އަދި އާމިލް ދެއްކި ވާހަކަތަކުން، ޝާމާ ބޭނުންވީ ޝާއިނާ މަރާލަންކަމަށް ބުނި ވާހަކަތަކަކީ ތެދުކަމަށް ޝާއިނާ އެއްބަސްވިއެވެ. އެކަމަކު އެއްބަސް ވެވެން ނެތީ އާމިލް ވަޅި ހެރީ އަމިއްލަ ދިފާއުގައި ކަމެވެ.
* * * * *
ޝާރީޢަތް ނިމި އާމިލްގެ މައްޗަށް މީހަކު މެރުމުގެ ހުކުމް އިއްވީ އެކަން ހިނގިތާ ދެ މަސް ފަހުންނެވެ. ފަންސަވީސް އަހަރަށް އޭނާ ޖަލަށް ލީއެވެ. އެހެންނަމަވެސް އޭނާ ތަކުރާރުކޮށް ބުނަމުން އައީ މަރުވީ ޝާއިނާކަމެވެ. ޝާމާ އެ އުޅެނީ ޝާއިނާއަށް ވެގެންކަމެވެ. އޭނާ އަބަދުވެސް މަސައްކަތްކުރީ ޝާއިނާއަށް ވާންކަމެވެ. ހުރިހާކަމެއް މިވީ ޝާމާ ބޭނުންވި ގޮތަށެވެ.
ޖަލަށް ބަދަލުކުރަން އޮތް ދުވަހު ވަކީލުގެ އެހީއާއެކު އާމިލްގެ ގާތް އެކުވެރިއަކާ ބައްދަލުކުރިއެވެ. ޝާއިނާކަން މަރުވީ ޔަގީންކުރާނެ ގޮތެއް އެބައޮތްތޯ ވަކީލުގެ އިތުރުން، ޝިފާއު ވެސް އާމިލްގެ ގާތުން އެދުނެވެ. އިތުރު ގޮތެއް ނެތް ފަދައިން އާމިލް ބޭނުންވީ އެކުވެރިޔާ ޝިފާއުއާ އެކަނި ވާހަކަދައްކާލާށެވެ. އޭނާ ޝިފާއުގެ ގާތުން އެދުނީ އޭނާގެ އެކައުންޓަށް ލޮގިންވުމަށެވެ. ކްލައުޑްގައި އިން ފޮޓޯއެއް ނެގުމަށެވެ. އާމިލްގެ ފޯނުން ޝާމާ ފޮޓޯއެއް ނަގާފައިވާކަން އޭނާ ބުންޏެވެ. އޭނާއާއި ޝާއިނާއާ ދައްކާ ވާހަކަތައް ވެސް ފޯނުން ޑިލީޓްކުރާކަން އާމިލްއަށް އެނގިފައި ހުރިކަން ބުންޏެވެ. ޝާމާ ހަސަދަވެރިވެގެން ކުރާ ކަންކަން އާމިލް ބުންޏެވެ. އެކަމަކު ޝާއިނާގެ ކުރީގެ ރަޙުމަތްތެރިއަކާ ބައްދަލުވެގެން އޭނާ ފޮޓޯއެއްގެ ވާހަކަދެއްކުމުން އެކަން އާމިލްގެ ސަމާލުކަމަށް އައިގޮތް ޝާފިއުއަށް ކިޔާދިނެވެ. ފޯނަށް އަންނަ ފޮޓޯ ޑިލީޓްކުރި ކަމުގައި ވިޔަސް އޭ ކޮޕީއެއް ކްލައުޑްއަށް ދާގޮތަށް ސެޓިން ހަދާފައިކަމެއް ހުރީ ޝާމާއަށް ނޭނގޭނެކަން އާމިލް ބުންޏެވެ. އެހެންވެ އޭނާ ވަދެ ބެލިއިރު ކުރިން ނުފެންނަ ފޮޓޯއެއް ފެނުނުކަން އާމިލް ބުންޏެވެ. ޝާމާދެކެ ލޯބިވާތީ ކުރިން އެ ފޮޓޯއަކީ މާބޮޑުކަމެއްކަމުގައި ނުދެކެންކަން އާމިލް ބުންޏެވެ. އެކަމަކު ޝާމާ ގަސްދުކުރީ އާމިލް ގޮޅިއެއްގައި ބަންދުކޮށްފައި އޭނާ ބޭނުންވި ފަދައިން ޝާއިނާއަށް ވެގެން އުފާވެރި ދިރިއުޅުމެއް އުޅޭންކަން އާމިލް ބުންޏެވެ. ހުރިހާ މޮޅެއް އޭނާއަށް ވާތަން ބަލަން މަޑުން ނުހުރެވޭނެކަން އާމިލް ބުންޏެވެ. އަދި އެ ފޮޓޯއަށް ކަންތައް ކުރަންވީ ގޮތް އާމިލް ކިޔާދިނެވެ.
* * * * *
ޝާއިނާގެ ކޮޓަރީގައި ޒީނިޔާ އިނެވެ. ޝާމާގެ މަރާމެދު މައިންބަފައިން ހިތާމަކުރާތަން ބެލުން ފަސޭހަކަމަކަށް ނުވާކަން ޝާއިނާ ބުންޏެވެ. އެމީހުންގެ ހިތްވަރުކަމުގައި ވާން ޝާއިނާގެ ގާތުން ޒީނިޔާ އެދުނެވެ.
“އަދިވެސް ހަމައަކަށް ނޭޅޭ… މިހާރު ވެސް ދަންނަ މީހަކާ ދިމާވެއްޖެއްޔާ އަހާ، މަރުވީ ކޮއްކޮތޯ ނޫނީ ދައްތަތޯ، އެހެންވެ ކިޔެވުން ދޫކޮށްލީ، ނަންބަރު ވެސް ބަދަލުކުރީ… އެވާހަކަތައް އެކަކު ކައިރީ ވެސް ދައްކާކަށް ބޭނުމެއްނޫން، އާމިލް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި، އެކަމަކު އަދިވެސް… އަދިވެސް އޭނާ ހީކުރަނީ އަހަރެން މީ ޝާމާކަމަށް، ހީ ކޮމްޕްލީޓްލީ ލޮސްޓް ހިޒް މައިންޑް.” ޝާއިނާގެ ވާހަކަ މެދުކަނޑާލީ ޒީނިޔާ ގޮވާލީމައެވެ.
“ވަޓް އަބައުޓް ޔޫ… އިނާ އޯކޭތަ؟” އެކުވެރިޔާއާ މެދު ޒީނިޔާ ކަންބޮޑުވެފައި ވިއެވެ.
“އަހަރެން ހިޔެއްނުކުރަން މިހެން ވާނޭ، ޝާމާގެ ފުރާނަވިއްޔަ…” ޝާއިނާ އަދިވެސް އިނީ އެނދުގެ އަރިމަތީ އިށީން ގޮތަށް އިސްޖެހިފައެވެ.
“އަހަރެންނަށް ވެސް އެތައް މިސްޓޭކެއް ހެދުނު، ހިތަށް އަރާ އަހަރެންނަށް ޝާމާއާ ކުރިމަތިލެވުނީ މާ ހަރުކޮށެކޭ، ދެން މިވާހަކަ ދެއްކުން ރަނގަޅެއްނުވާނެ، އަހަރެންނަށް އެނގޭ އިނާ ކިހާ ބޯގޮވާކަން ތިއިންނަނީ، އިތުރަށް ވާހަކަތަކެއް ދައްކައިގެން ހާސްކުރުވާކަށް ބޭނުމެއްނޫން… ބޭކާރު ވާހަކައަށް ވާނީ އެކަމާ ދެން އެއްޗެކޭ ބުންޏަސް.” ޒީނިޔާ މޫނުގައި ދެއަތްތިލަ އިން ފިރުމާލައި ފުންނޭވާއެއް ލިއެވެ. ދެން ފޯނުން ގަޑި ބަލާލައި ގެއަށް ދާންވީ ކަމުގައި ބުންޏެވެ. އެހިނދު ކޮލެޖުގެ ވައިބާ ގުރޫޕަށް އައިސްފައި އޮތް މެސެޖު ފެނި ޒީނިޔާ ކަންބޮޑުވިއެވެ.
“ހޭ… ސްޓޭ އޯފް އޯލް ޔޯ ސޯޝަލް މީޑިއާ އެކައުންޓްސް… އޯލް އޮފް ޔޯ އެކައުންޓްސް.” ނިކަން އަވަހަށް ޒީނިޔާ ބުނެލިއެވެ. ޝާއިނާއަށް ލިބުނީ ހައިރާންކަމެވެ.
* * * * *
މުޅި ސޯޝަލް މީޑިއާގައި އެނބުރެމުން ދާ ފޮޓޯއަކީ އާމިލްއާއެކު ޝާއިނާ ނަގާފައިވާ ފޮޓޯއެކެވެ. ކޮލެޖުގައި ވެސް ހުރިހާ ދަރިވަރުންހެން އެ ފޮޓޯ ބަލައިފިއެވެ. އެކަމާ އެންމެން ވެސް ވާހަކަދައްކަނީއެވެ. ބަރަހަނާކޮށް ތިބިކަން އެނގޭނެހެން ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ޝާއިނާކަން އެންމެން ވެސް ޤަބޫލުކުރެއެވެ. ލޯކައިރީގައި ކަޅުތިލައެއް ފެންނަން ނެތުމުން އެންމެން ވެސް ޝާއިނާކަން ޔަގީންކުރަނީއެވެ. ކޮލެޖުން ޒީނިޔާ ނުކުމެގެން އައީ ރުޅިގަދަވެގެން ހަލާކުވާވަރުވެފައި ހުރެއެވެ. ޝާއިނާގެ ކުށެއްނެތި އެންމެން ޝާއިނާ ބަދުނާމު ކުރާތަން ފެނުމުން ޒީނިޔާގެ ހިތަށް އުނދަގޫވިއެވެ. ޝާއިނާއަށް ވާނޭގޮތް ހިތައް އަރާފައި ޒީނިޔާ ފެންކަޅިވިއެވެ. އެކުވެރިޔާއަށް މިލިބެނީ ކޮންކަމެއްގެ ޝަޒާބާއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ރައްކާތެރިކުރަން އޭނާ ތެދުވި ނަމަވެސް މިއަދު ޒީނިޔާއަށް އިޙްސާސް ކުރެވެނީ އޭނާއަށް ކޮށްދެވޭނެ ކަމެއްނެތް ކަމެވެ.
* * * * *
ފާއިތުވާ ވަގުތާއެކު ހާލަތު ވެސް ބަދަލުވެދެއެވެ. އެއްވެސް ކަމެއް ތާއަބަދު އެއްގޮތަކަށް ނޯންނާނޭކަން އެއީ ޔަގީންވާކަމެކެވެ. ޒަމާން ބަދަލުވާ ފަދައިންނެވެ.
“މުޅިން އާ އަހަރަކަށް…” އާ އަހަރު ފެށުމުގެ އުފާ ފާޅުކުރުމުގައި މޭޒު ދޮށުގައި ތިބި ހުރިހާ ޒުވާނުން އެއްފަހަރާ އެކަކުއަނެކަކާ އަތްޖަހާލިއެވެ.
ކޮލެޖުގެ ދަރިވަރުންގެ އޮލަވާހަކަ ކުރިއަށް ދިޔައިރު އެމީހުންގެ ތެރޭ ހިމޭންވެފައި އިން އަންހެންކުއްޖާ ފާހަގަވިއެވެ. ގުރޫޕުގެ ތެރެއިން އަންހެންކުއްޖަކު އޭނާއަށް ގޮވާލިއެވެ. އެންމެންގެ ވާހަކައިގަ އޭނާ ވެސް ބައިވެރިކުރާށެވެ. ވަރަށް ފަހުން ކޮލެޖަށް ވަން ކުއްޖެއްކަން އެނގޭތީ އެކަމާ ސުވާލުކުރިއެވެ.
“އާން، ޓޫ މަންތްސް ކުރިން ޖޮއިންވީ، މިއަހަރު ސްޓޫޑެންޓް ކައުންސިލްއަށް ވަނީ.”
“ސްޓޫޑެންޓް ކައުންސިލްގަ އުޅުމަކީ ހާޑުކަމެއް، އެކަމަކު މިކަހަލަ ކެއުންތައް ވަރަށް ގިނަވާނެ، މަޖާވާނެ އެންމެން ވެސް، ވަރަށް ފްރެންޑްލީ ވާނެ… އަދި ނަމެއް ވެސް ނޭނގެ، އަލަށް ކުއްޖަކު ވަންކަން އެނގޭ، ލިސްޓު އަދި ނުދެކެން. އަހަރެން މީ ދިމްނާ، އެންމެން ދީމް ކިޔާނީ.” ދިމްނާ ސަލާމަށް އަތްދިއްކޮށްލިއެވެ.
“ޝާމާ… އެންމެން ވެސް ޝާމާ ކިޔާނީ.” ދިމްނާގެ އަތުގައި ހިފާލަމުން އެ އަންހެންކުއްޖާ ބުންޏެވެ.
އާ އަހަރާ ގުޅިގެން ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލްގެ މެންބަރުންގެ މެދުގައި ބޭއްވި ކެއުމުގައި ބައިވެރިވެފައި ޝާމާ ގެއަށް އައެވެ. ކޮޓަރިއަށް ވަދެވެވުނު ގޮތަށް ރީތިވާ މޭޒު ކައިރީ ހުރި ގޮނޑީގައި އަތްދަބަސް ބެހެއްޓިއެވެ. އެއާއެކު އިސްއުފުލާލުމާއެކު ލޯގަނޑަށް ބަލާލިއެވެ. ވައަތު ލޯ ކައިރީ ފެންނަން ހުރި ކަޅުތިލައިގަ އޭނާ އިނގިލި ހިންގާލިއެވެ. ދެން މޭޒުމަތިން މޭކަޕް ފުހޭ ކަފަކޮޅެއް ނަގައި ލޯކައިރި ސާފުކޮށްލުމާއެކު ކުރިން ފެންނަން ހުރި ކަޅުތިލަ މޫނުން ފިލައިފިއެވެ. މަޑުމަޑުން އައިސް އެނދުގައި ޝާމާ އިށީނެވެ. އޭނާގެ ޚިޔާލުތައް މާޒީގެ ތެރެއަށް ގެއްލެމުން ދިޔައެވެ.
އާމިލް ޖަލަށް ދިއުމުން ޝާއިނާ އުންމީދުކުރީ އޭނާއަށް ހަމަޖެހިގެން އުޅޭން ފުރުޞަތު ލިބޭނެކަމަށެވެ. ނަމަވެސް ދުވަސްކޮޅެއްގެ ތެރޭ ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ޝާއިނާއަށް ޝާމާ ފޮނުވި ފޮޓޯއެވެ. އެ މައްސަލަ ނިމުނުއިރު އަނެއްކާ ވެސް އެތައް ބައެއްގެ ކުރިމަތީ ފަޟީހަތްވީ ޝާއިނާގެ ނަމެވެ. އެންމެން ވެސް ފާހަގަކުރީ ޝާމާގެ ލޯ ކައިރީ ހުންނަ ކަޅުތިލައެވެ. ފޮޓޯގައި ހުރީ ޝާއިނާކަން އެންމެން ނިންމަނީ އެ ކަޅުތިލަ ފެންނަން ނެތީމައެވެ.
“ކީއްވެ؟ ކީއްވެ އިނާ އޭނާއަށް ވާންވީ؟ ތީ ޝާމާއެއްނޫނޭ… މަންމަމެންނަށް ވެސް އެނގެނޭ ތީ ޝާމާއެއްނޫންކަން.” ޒީނިޔާ އެދުވަހު އާދޭސްކުރިއެވެ.
“ދެން އިތުރު ކޮންގޮތެއް އޮތީ؟ އަހަރެން ބޭނުމީ އާފެށުމަކުން ފަށަން، މަރުވީ ޝާއިނާކަމުގައިވާން.” ޝާއިނާ ބުންޏެވެ.
“އޭރުން އެވީ އާމިލް ބޭނުންވީ ގޮތް… އޭނާ އެބުނަނީ ތީ އޭ ޝާމާއަކީ، އެދުވަހު މަރުވީ ޝާއިނާއޭ، އެކަމަކު އަހަރެންނަށް، އަހަރެންނަށް ދޯ އެނގެނީ ތީ ޝާމާ ނޫންކަން.” ޒީނިޔާ ކަންބޮޑުވިއެވެ.
“އަހަރެން ޝާމާއަށް ވިޔަސް އާމިލްއަކަށް ދެން ނުކުރެވޭނެ އެއްވެސް ކަމެއް، މަރުވީ ޝާމާގެ ބަދަލުގައި ޝާއިނާއަށް ވިޔަސް، އާމިލް ސަލާމަތެއްނުވާނެ… ޒީ، އައި އޭމް ރިއަލީ ސިކް އެންޑް ޓަޔަޑް އޮފް އޯލް ދިސް… ޝާމާއަށް ވެގެން މުޅިން އާ ދިރިއުޅުމެއް އަހަރެންނަށް ފެށިދާނެ، އަހަރެންނާ ގުޅުން ހުރި ހުރިހާކަމެއް ދޫކޮށްލައި، އާކަންކަމަށް ފުރުޞަތު ދޭން ބޭނުންވަނީ، އެއްވެސް މީހަކަށް އަހަރެން މީ ކާކުކަން ނޭނގޭނެ ބައެއްގެ ތެރޭ ވާން ބޭނުމީ… މި ދިރިއުޅުމާ ދުރަށް ދެވެން އޮތް ގޮތަކުން ދުރަށްދާން އަހަރެން ބޭނުމީ، މީހުންގެ ބެލުންތަކާއި މީހުން ކިޔާހާ އެއްޗިއްސާ ދުރަށްދާން… ޒީ! އެހެންނޫނީ އަހަރެން މޮޔަވެދާނެ، އޭރުން… އޭރުން އަހަރެންނަށް ބުނެވެން އޮންނާނެ އެ ފޮޓޯގަ އެއީ އަހަރެންނެއްނޫނޭ، ފޮޓޯގަ ހުރީ ޝާއިނާއޭ… އެކަމަކު އަހަރެން މީ ޝާއިނާގެ ޓުވިންސް ކޮއްކޮ… ޝާމާއޭ… މިއިން އެއްވެސް ކަމެއްގައި އަހަރެންގެ… ޝާމާގެ ކުށެއްނެތޭ.” ކެތްނުކުރެވިގެން ފަޅައިގެން ދިޔަ މީހަކު ފަދައިން ޝާއިނާގެ އަޑު ބާރުވިއެވެ. އޭނާ ރޯންފެށުމާއެކު މޫނުގައި ދެއަތް އެޅުމުން ޒީނިޔާއަށް ދުރަކު ނީނދެވުނެވެ.
“އޯކޭ… އޯކޭ… އިނާ ބޭނުން ގޮތަކަށް ދިރިއުޅެންވީ، އަމިއްލަ މީހާ ކުށްވެރިނުކުރާތި، ވީ އެއްވެސް ކަމެއްގައި އިނާގެ ކުށެއްނެތް، ޔޫ ޑިޑިންޓް ޑޫ އެނީތިންގް ރޯންގް، ސޯ… އިފް ޔޫ ވޯންޓް ޓު ރަން އަވޭ ފްރޮމް ދިސް، ޔޫ ކޭން، އެކަމަކު… ހަނދާންނައްތާނުލާތި، އަހަރެން އަބަދުވެސް ޝާއިނާއާއެކު ހުރިކަން، އަބަދުވެސް ހުންނާނެކަން.” ޝާއިނާގެ ގައިގާ ޒީނިޔާ ބައްދާލިއެވެ. ހިތުގައިވި ޖަޒުބާތުތައް ނުހިފެހެއްޓިގެން އުޅޭ ފަދައިން ޝާއިނާ ގިސްލަމުންދިޔައެވެ.
“އަހަރެންނަށް ހެޔޮ އިނާ ނަންބަދަލު ކުރިޔަސް، އެހެން ތަނަކަށް ބަދަލުވިޔަސް، ތީ އަބަދުވެސް އަހަރެންގެ ބެސްޓީ، ޔޫ ވިލް އޯލްވޭޒް ބީ މައި ފްރެންޑް، އައި ވިލް އޯލްވޭޒް ރެމެމްބަރ ޔޫ، ހޫ ޔޫ ރިއަލީ އާ… ސޯ ޑޯންޓް ވޮރީ…” ޝާއިނާގެ ބުރަކަށީގައި ފިރުމަމުން ޒީނިޔާ ވާހަކަދެއްކިއެވެ.
ޚިޔާލުތަކުގެ ތެރެއިން ޝާމާ މޫނުގައި އަތްތިލަ ހިންގާލިއެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އޭނާ އެނދުން ތެދުވިއެވެ. ކޮލެޖުގެ ރައްޓެހިންނާ ބައްދަލުކުރަން ދިޔަ ހެނދުން ބަދަލުކުރަން ފެށިއެވެ. ހެނދުން ބަދަލުކޮށްލުމަށްފަހު ކުޑަދޮރު ހުޅުވާލައި ކުޑަދޮރުގެ ތިރީ ދާރައިގަ އެއްއަތް އަޅުވާލައިގެން މަޑުކޮށްލިއެވެ. އޭނާއަށް ވިސްނާލެވުނެވެ. އެކަކަށް ވެސް އޭނާގެ އަމިއްލަ ވުޖޫދު ސާބިތުކުރެވިދާނެ ހެއްޔެވެ. އޭނާ ވާކަމުގެ ހެކި އޭނާ ދައްކާނީ ކިހިނެއް ހެއްޔެވެ. އޭނާއަކީ އޭނާކަން ޔަގީންކުރާނީ ކިހިނެއް ހެއްޔެވެ. އޭނާ، އޭނާގެ ގޮތުގައި ބަލައިގަނެވޭނީ ކާކަށް ހެއްޔެވެ. އޭނާގެ ދިރުއުޅުމުގައި މިހާތަނަށް ހީނުކުރާ އެތައް ކަމެއް ހިނގައިފި އެވެ. ދިރިއުޅުމުގައި އާދެވިފައި އެވަނީ އެ ހުރިހާ ސުވާލަކަށް ޖަވާބުދޭން އުނދަގޫ ހިސާބަކަށެވެ. އެހެންވިޔަސް އެ ދިރިއުޅުން ހުއްޓުމަކަށް ނާދެއެވެ. ކުރިމަތިލާންޖެހުނު ހުރިހާ ކަމަކަށްފަހު ވެސް އޭނާ ދިރި އެބަހުއްޓެވެ. ނަމަވެސް އެންމެންގެ ކުރިމަތީ މިހާރު އޭނާއަކީ ޝާމާއެވެ. ދެބެންގެ ސިފަ އެއްގޮތްކަމުން މައިންބަފައިންނަށް ވެސް އޮޅުނީއެވެ. އެހެންނޫނަސް ޝާމާގެ ގޮތް ޝާއިނާއަށް ވުރެ ބޮޑަށް އެނގޭނޭ މީހަކު ނެތެވެ. މައިންބަފައިންނަށް އޮޅުވާލަން ފަސޭހަވީ އެހެންވެއެވެ. ޝާމާގެ އިޙްސާސްތަކާއި ޖަޒުބާތުތައް ދެނެގަންނަން ނޭނގުނުއިރު، އެ މައިންބަފައިންނަށް ޝާއިނާގެ ހިތް އެނގޭނޭ ހެއްޔެވެ.
ވަގުތާއެކު މި ދުވަސްތައް ވެސް ފާއިތުވެ ހިނގައިދާނޭކަން ޔަގީނެވެ. ޝާއިނާއާއެކު އެއީ ޝާއިނާކަން އެނގޭ އެކަކު ހުއްޓަސް އެވަރުން އޭނާއަށް ފުދެއެވެ. އޭނާ ދައްކާ ވާހަކަތައް ޤަބޫލުކުރާނޭ އެންމެ މީހަކު ފުދެއެވެ. އޭނާ ޝާއިނާއާއެކު ހުރީވިއްޔާ… ކޮންމެވެސް ދުވަހަކުން… ކޮންމެވެސް ދުވަހަކުން… ޝާއިނާ އަލުން އެނބުރި އައުމަކީ ވެސް ވެދާނެކަމެކެވެ.
— ނިމުނީ —