DHEBEENUN [EP-15]

“މިފަހަކަށް އައިސް އަހަންނަށް ހީވަނީ ޝާމާ އަހަރެން އުޅޭ ގޮތް ބަލައިގެން، ހަމަ އެގޮތަށް އުޅޭހެން… އަދި ދުވަހަކުވެސް ނުދަން، ދެން ކިހިނެއް އަހަރެން އެތަނުން ފެންނާނީ… ހަނާ، ޔޫ ހޭވް ޓު ބްލީވް މީ، އެއީ އަހަރެން ކުރިކަމެއްނޫނޭ… އެކަހަލަ ކަމެއް ދުވަހަކުވެސް އަހަރެން ނުކުރާނަން….”

ޚިޔާލުތަކުގެ ތެރެއިން ހަނާގެ އަނގައިން މަޑު އާހެއް ނުކުތެވެ. ދެއަތް ޖޯޑުކޮށްލެވުނީ ނުހަނު ބާރަށެވެ.

* * * * *

“ދިސް އިޒް އަ ސަޕްރައިޒް. ތީ އަމިއްލައަށް އަހަންނަށް ގުޅާނެ މީހެއްނޫންކަން އެނގޭ… އެކަމަކު މިފަހަރު… ކިހިނެއްވީ؟، މާބޮޑަށް ބޭނުންވީތަ؟.” މާޒިންގެ ބަނޑުމަތީ އިން ޝާމާއަށް ބުނެލިއެވެ.

“މާ ވާހަކަ ގިނަނުކޮށްބަލަ، އައި އޭމް ހެވިން އަ ބޭޑް ޑޭ… މަޑުން އޮވޭ.” ޝާމާ ބުންޏެވެ.

“އަހަރެން މީ އެދުން ފުއްދަން ގެންގުޅޭ ކަހަލަ ކުޅޭ އެއްޗަކީތަ؟. ހިއްސުކެނޑި، ހަރަކާތެއްކޮށްނުލާ އޮންނަން… ދެން އޯކޭ، އަހަރެންގެ މާބޮޑު މަސައްކަތެއް ނެތި ހިތްހަމަޖައްސާލުން ގޯހެއްނޫން.” މާޒިން ހިނިގަނޑެއް ޖަހާލިއެވެ.

މާޒިންއަށް ގުޅައިގެން ގެސްޓް ހައުސްއަކަށް ޝާމާ އައީ ޚިޔާލުތަކާ ދުރުވެލައި ހިތްހަމަޖައްސާލުމަށެވެ. ނަމަވެސް އޭނާގެ ޠަބީޢަތް ރަނގަޅެއްނުވިއެވެ. ސިކުނޑިއަށް ލިބިފައިވި ހާސްކަން ފިލާ ގޮތެއް ނުވިއެވެ. އޭނާއަށް ކުރެވުނު އުނދަގޫ އިޙްސާސްގެ އަސަރު ވަކިވެގެންނެއް ނުދިޔައެވެ. ޝާމާ ގަޔާނުވާހެން މާޒިންއަށް ހީވާން ފެށީ އޭނާގެ މޫނުމަތިން ޝައުގުވެރިކަމުގެ އަސަރެއް ނުފެންނާތީއެވެ. އޭނާ ޝާމާގެ އުނަގަނޑުގައި ހިފާލިއެވެ. ޝާމާއަށް އުފާ ހާސިލު ކޮށްދިނުމުގެ އިތުރުން އަމިއްލަ ނަފްސަށް ވެސް ހިތްހަމަޖެހުން ހޯދަން މާޒިން ބޭނުންވެއެވެ.

“މާޒް…” މާޒިންގެ ބީހިލުން އިޙްސާސްވިލެއް ބޮޑުކަމުން ޝާމާއަށް ގޮވާލެވުނެވެ.

“މަސްގަނޑެއްހެން، ހަރަކާތެއްކޮށްނުލާ އޮވެދާނަން، މަށަށް ވެސް އޭރުން ފަސޭހަ… އެކަމަކު… އޭރުން މަޖަލެއްނުވާނެ، ޝާމާ ވެސް އެހާ ފޯރި އަރައިގެން އުޅޭހެން ހިޔެއްނުވޭ، ޖަސްޓް އިންޖޯއި އިޓް އެންޑް ހޭވް ފަން.” މާޒިން ބުނެލިއެވެ. އަދި މާޒިންގެ ހަރަކާތްތަކާއެކު ދެ ޒުވާނުންގެ ނޭވާ ވެސް އަވަސްވެލައިފިއެވެ.

“މާޒް… ޔޫ… ޔޫ އާ މައިން، އާންޓް ޔޫ…” ކުރުވެ އަވަސްވެފައިވާ ނޭވާއާއެކު މާޒިންގެ މޫނުގައި ޝާމާ އަތްތިލަ ޖައްސާލިއެވެ. އެ ސުވާލު ނުކުތީ ޝާމާގެ ހިތުގެ އަޑިން ކަހަލައެވެ.

“ވެލް… މިވަގުތަށް… އާން!…” މާޒިންގެ ނަޒަރު ޝާމާއަށް ހުއްޓިފައިވިއެވެ.

ވަރުބަލިކަމާއެކު ދެ ޒުވާނުން އެނދުމަތީ ހަށިގަނޑު ދަމާލިއެވެ. ނޭވާ ހަމައަކަށް އެޅުމުން ޝާމާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އެހީތެރިކަމެއް ބޭނުންވޭތޯ މާޒިން އަހާލީ ސަމާސާ ރާގެއްގައެވެ. އެހިނދު ފާޚާނާގެ ތެރެއިން ޝާމާ ނޫނެކޭ ބުނެލި އަޑު އިވުނެވެ. ފާޚާނާގެ ދޮރާ ދިމާއަށް ބަލަން މާޒިންއަށް އިނދެވުނީ ފުން ޚިޔާލެއްގައެވެ.

“ކީއްކުރާނީ… ފަސޭހައިން އުފެދޭ ގުޅުމަށްވުރެ، ބައެއްފަހަރަށް… ހާސިލުކުރަން އުނދަގޫވާނޭ ހީވާނަމަ އެކަމަށް ހިތްކިޔާ ގޮތްވޭ.” މަޑުމަޑުން މާޒިން ބުނެލިއެވެ. އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ޚިޔާލުގައި ކުރެހިފައިވަނީ ތަފާތު މަންޒަރެކެވެ.

* * * * *

“ހިޔެއްނުކުރަން ހަނާ ގުޅާފާނޭކަމަށް، ކޮލެޖުން ދިމާވިފަހުން ކިހާ ދުވަހެއްވެދާނެ؟.” ނަދީމު ބުނެލިއެވެ.

ރެސްޓޯރެންޓަށް ރޭގަނޑުގެ ކެއުމަށް ނަދީމު އައިސް އޭނީ ހަނާގެ ދަޢުވަތަކަށެވެ. އޭނާގެ ކޯސް ނިމި ވަޒީފާއަށް ނުކުންނަން ފެށީއެވެ. އެހެންވެ ކޮލެޖުން ދިމާވި އެކުވެރީންނާ އޮތް ގުޅުން ދެމެހެއްޓޭ ގޮތެއް ނުވިއެވެ.

“އޮފީސް ކިހިނެއް؟.” ހަނާ އަހާލިއެވެ.

“ވަރަށް ބުރަ… އޭރު ކޮލެޖުގައި އުޅުނު ދުވަސްތައް މަތިން ހަނދާންވޭ، އޭރު ހާދަ ފްރީއޭ، ހިތަށް އަރާ އަނެއްކާ ވެސް ކޯހެއް ފަށަންވީއޭ.” ކައިރީގައި ހުރި ގޮނޑީގައި އަތް އަޅުވާލަމުން ނަދީމު ބުނެލީ ކުޑަކޮށް ހިނިއައިސްފައި އިނދެއެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި ހަނާ ހީނލީއެވެ. މޭޒުމަތީ ހުރި ކޯކުތަށިން އެތި ފޮދެއް ބޯލައި ހަނާއަށް ނަދީމު ބަލާލީ ސީރިއަސްވެފައެވެ.

“ސޯ… އަހަންނަށް އެނގޭ ހަމަ ހުރެފަ ހަނާ އަހަންނަށް ތިގުޅީ ޑިނާ ދޭކަށް ނޫންކަން.” ނަދީމު ބުންޏެވެ.

“ނަދީމު، ތީ ކުރިން ފިރާޒުއާ އެންމެ ގާތްކޮށް އުޅުނު…”

ހަނާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ނަދީމު ފަހަތަށް ގޮނޑި ޖައްސާލިއެވެ. އޭނާ ތެދުވަން އުޅޭހެން ހީވިއެވެ. ނަމަވެސް ހަނާއަށް ބަލަން އިނދެ ވާހަކަދެއްކިއެވެ.

“އޭނާގެ ވާހަކަ ދައްކަން އަހަރެން ގެނައީ ވިއްޔާ، މިތަނުގައި އިންނާކަށް އަހަރެން ބޭނުމެއްނޫން…” ނަދީމު ބުންޏެވެ.

“ނަދީމް ޕްލީޒް… އަޑު އަހާބަލަ، އޭނާ ނެތްތަނުގައި އޭނާއަށް އެއްޗެހި ކިޔާކަށް ނޫނޭ މިއުޅެނީ، އަހަރެން… މިއަދު… މިއަދު ހަނދާންވީ ކަމެއް، ފިރާޒު ދެއްކި ވާހަކައެއް…”

“އޭނާ ދައްކާ ވާހަކައިގެ ފިކަޅާކަން ނޭނގޭތަ؟. ކީއްކުރަން އެވާހަކަތައް އަޑު އަހަނީ…” ނަދީމަށް ދަތްކުނޑިވިކާލެވުނެވެ. މޭޒުގައި އުޅަންބޮޑިކޮޅު ވިއްދާލުމާއެކު އެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ. މިހާރު ހިތްހަމަނުޖެހުނަސް އޭނާ ވެސް ކުރިން ފިރާޒަކީ ރައްޓެއްސެއްގެ ގޮތުގައި ދުށްޓެވެ.

“އޭނާއާ ހެދި އަހަރެންގެ ނަން ވެސް ޚަރާބުވަނީ…” މަޑުމަޑުން ނަދީމު ބުނެލިއެވެ. ދެން އިސް އުފުލާލައި ހަނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“އަހަންނަކަށް ނޭނގެ ހަނާއަށް އަޑުއިވިގެން ތިއުޅެނީ ކީކޭކަމެއް، އެކަމަކު އެންމެ ރަނގަޅުވާނީ އެއިން ކަމަކާ އަޅާނުލިއްޔާ، އޭނާ ހަމަޖެހޭ ވާހަކައެއް ނުދައްކާ، ހީވަނީ ހަދަހަދައިގެން ކޮންމެ ވާހަކައެއް ދައްކާހެން، ޝާއިނާގެ ކަންތައް ނިމުންތަނާ، އޭނާގެ ކޮއްކޮ ފިރާޒަށް ފެނުނީ… ހުރިހާކަމެއް އޭރު ފެށިގެން އައިއިރު އޭނާ އަހަރެން ގާތު އަބަދު ކިޔާނީ، އެ އުޅޭ ޝާއިނާގެ ކޮއްކޮ އުޅެނީ، ޝާއިނާއަށް ވެގެންނޭ… މަށަށް ފޮޓޯ ވެސް ދެއްކި، ދެޓް ޑިޑިންޓް އެކްޗުއަލީ ޕްރޫވް އެނީތިންގް، އޭގެ ފަހުން އަދި މާ ކަންތައް ބޮޑު، އޭނާ ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ދެކޮޅެއްނުޖެހޭ…” ނަދީމު ބުންޏެވެ.

“ނަދީމް، އައި ނީޑް ޓު ނޯ ވަޓް ހީ ސެޑް…” ކެތްތެރިކަން ކުޑަ ގޮތަކަށް ހަނާ ބުނެލިއެވެ.

ރެސްޓޯރެންޓުން ހަނާ ގެއަށް އައީ ނަދީމުއާއެކުއެވެ. ލަސްވެފައި ހުރުމުން އަވަހަށް ގައިދޮވެލައިގެން ހަނާ އޮށޯތީ ނިދާށެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑި ނިދަން ތައްޔާރެއްނޫނެވެ. އޭނާއަށް ވިސްނެނީ ނަދީމު ދެއްކި ވާހަކަތަކާމެދުއެވެ.

“އަހަންނަކަށް ވެސް ނޭނގޭ، ފިރާޒު ބުނީ، އޭރު ހިނގި ކޮންޑޮމް ކަންތައްގަނޑަކީ ވެސް އޭނާ ކުރިކަމެއް ނޫނޭ، އެކަމުގައި ވެސް ވަނީ ޝާއިނާގެ ކޮއްކޮގެ އަތޭ، އަނެއްކާ ކިޑްނެޕް ކަންތައްގަނޑުގައި… އެ ޚިޔާލު ފިރާޒަށް ދިން މީހަކީ ވެސް ޝާއިނާގެ ކޮއްކޮއޭ ބުނީ، އެކަމަކު ފަހުވަގުތު ހުރިހާކަމެއް ފިރާޒުގެ ބޮލުގައި އެޅުވިއްޔޯ، ޝާއިނާގެ ކޮއްކޮ ގަސްދުގައި އޭނާއަށް ލަނޑެއް ދިނިއްޔޯ، އެހެންވިޔަސް ކާކު އެ ވާހަކަތަ ޤަބޫލުކުރާނީ… އޭނާގެ އުޅުން ހުރި ގޮތް އަހަރެމެންނަށް އެނގޭއިރު.” ނަދީމު ވާހަކަ މެދުކަނޑާލީ ހަނާގެ މޫނުން ފާޅުވަމުން ދިޔަ ސީރިއަސްކަން ފެނިފައެވެ.

“ވަޓްސް ރޯންގް؟… ވައި ޑޫ ޔޫ ލުކް ސޯ ސީރިއަސް؟” ނަދީމު އެއްސެވެ.

“އަހަންނަށް ހީވަނީ… ފަހަރެއްގައި ފިރާޒު އެ ދެއްކި ވާހަކަތަކަކީ ތެދެއްހެން، ޝާއިނާގެ ކޮއްކޮ، ޝާމާ އުޅެނީ ނިކަން ފާޑަކަށް، އެއީ ތެދަކަށް ވެއްޖެއްޔާ، އެހެންވީރު ފިރާޒުގެ…”

“ހަނާ، ޖަސްޓް ސްޓޮޕް ރައިޓް ދެއާ، އޭނާ ދެއްކީ ތެދު ވާހަކައަކަށް ވިޔަސް، އޭނާއަށް ހައްޤު، އަދަބު ލިބެން، ޝާއިނާގެ ކޮއްކޮ ކޮންމެ ފާޑަކަށް އުޅުނަސް، ފިރާޒު ނުޖެހޭ އޭނާއަށް ފާރަލާކަށް، ސޯޝަލް މީޑިއާގައި ބަދުނާމުކުރާކަށް… އެ ހަޤީޤަތް ބަދަލެއްނުވާނެ.”

“އެނގޭ ތިކަން ވެސް…” ހަނާއަށް ބުނެވުނެވެ.

“އެވާހަކަތައް އަލުން ދައްކާކަށް ބޭނުމެއްނޫން، އެނީވޭޒް… ހަނާ ގްރެޖުއޭޓްވީމަ އަހަންނަށް ގުޅާތި، އަންނާނަން ކާން ދޭން.” ނަދީމު ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.

“އޯކޭ…” ހަނާ ބުންޏެވެ.

ރެސްޓޯރެންޓުގައި ހަނާއާއި ނަދީމާ ދެމެދުގައި ވާހަކަ ދެކެވުނީ އެވަރަށެވެ. އެނދުގައި އޮތް ހަނާ، ފުންނޭވާއެއް ދޫކޮށްލާފައި އަރިއަކަށް އެނބުރިލިއެވެ. ބާލީސް ދަށަށް އެއްއަތް ލައްވާލައިގެން، އަނެއް އަތުން ބާލީހުގެ ކަނުގައި ހިފަހައްޓާލައިގެން އޭނާ އަދިވެސް ވިސްނަނީއެވެ. ފިރާޒާ މެދު ހަމްދަރުވާނޭ ސަބަބެއްނެތޭ ހަނާ ހިތަށް އެރިއެވެ. އެހެންވިޔަސް ފިރާޒު ދެއްކި ހުރިހާ ވާހަކައަކީ ތެދަކަށްވިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟. އެހެންވެއްޖެނަމަ، އޭގެ މާނައަކީ މި ހުރިހާ ދުވަހު ޝާއިނާއާ މެދު ހަނާއަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަމެވެ. އޭނާއަށް ކުރެވުނު ޝައްކުތަކާއެކު ޝާއިނާގެ ބޮލުގައި އެޅުނު އިލްޒާމަކީ ތެދެއް ނޫންކަމެވެ.

* * * * *

ރާޔަންއަށް އުޅެއުޅެ ޝާއިނާގެ މަތިން ހަނދާންނައްތައެއް ނުލެވުނެވެ. އޭނާ މާޔޫސްވީ ވަގުތު ފެންނަން އެނގުނު މީހަކީ ޝާއިނާއަށް ވީމައި، ވިސްނެނީ އެކަމާއެވެ. އޭނާ ނޫން މީހަކަށް ފެނުން ނަމައޭ ރާޔަން ހިތަށް އަރަނީއެވެ. ޝާއިނާއަށް ފެނުނީތީ ރާޔަން ލަދުގަތީއެވެ. އޭނާ ފިރިހެނަކަށް ވެސް ނުވެޔޭ ޝާއިނާ ހީކޮށްފާނޭ ހީވަނީއެވެ. އަދި އޭނާގެ ވާހަކަ މީހުން ކައިރީ ދައްކާނޭ ރާޔަންއަށް ހީވަނީއެވެ.

“ސޯ އިމްބަރެސިންގް… ބަޓް، އައި ގެސް އައި އޯ ހާ ވަން…” ޝާއިނާ ހީނ މަލާމާތް ކުރުމުގެ ބަދަލުގައި، އޭނާ ޓިޝޫ ދިއްކޮށްލި މަންޒަރު ރާޔަންގެ ސިކުނޑީގައި ހަރުލާފައި ވިއެވެ.

“ވީކަންޑްގައި ކޮފީއަކަށް އިންވައިޓް ކުރުން ރަނގަޅު ޚިޔާލަކަށް ވާނެހެން ހީވޭ، އެންޑް ވީ ވިލް ކޯލް އިޓް އީވަން، އަހަރެން ރީތިކޮށް އަހައިފިއްޔާ އޭރުން އޭނާއަށް ފެނުނު ކަންތައްތަކުގެ ވާހަކަ ނުދައްކަން އެއްބަސްވެދާނެ…” ވިސްނުމުގައި ހުރެ ރާޔަން އައީ ޢާއްމުކޮށް އޭނާ އިންނަ ބެންޗާ ދިމާއަށެވެ. ޚިޔާލުގެ ވާފަށް ކަނޑާލީ ރާޔަންގެ ނަމުން ގޮވާލި އަޑު އިވިގެންނެވެ. އޭރު ބެންޗު ކައިރީގައި ހުރީ ޝާމާއެވެ. ބެންޗާ އެހާ ކައިރިވެފައި ހުރި އިރުވެސް އެތަނުގައި މީހަކު ހުރިކަމެއް ރާޔަންއަށް ރެއަކާނުލީއެވެ.

“ޝާމާ…” ރާޔަން ވެސް ގޮވާލިއެވެ.

“އިއްޔެ ކިހިނެއްވީ؟. ކޯލެއް ކުރަންށޭ ކިޔާ ދިޔަގޮތަށް ގެއްލުނީ.” ބެންޗު ކައިރީ ރާޔަން މަޑުކޮށްލުމުން ޝާމާ އަހާލިއެވެ.

“މުހިންމު ކަމެއް ޖެހުނީ.” ރާޔަން ބުނެލިއެވެ.

“ކަމަކު ކިޔަން މިއައީ.” ނިކަން ހިނިއައިސްފައި ޝާމާ ބުންޏެވެ.

“ކޮންކަމަކު؟.”

“ޓަޑާ!… މި ވީކަންޑްސްއަށް ފިލްމަށް ދާން ދެ ޓިކެޓު ލިބުނީމަ، ފްރީތަ؟… މޫވީ ބަލާފައި، އެކޮޅުން ކައިގެން އަންނާނީ. ލެޓްސް ހޭވް ސަމް ފަން.” ހިތްއަވަސްވެފައިވާ މީހަކުހެން ނިކަން ފުޅާ ހިނިތުންވުމަކާއެކު ޝާމާގެ އަތްދަބަހުން ނެގި ދެ ޓިކެޓު ދައްކާލިއެވެ. ނަމަވެސް ރާޔަންގެ ނަޒަރު ޝާމާއާ ދުރަށް ދަތުރުކޮށްލިއެވެ.

“ކީކޭ ބުނަނީ ރާޔަން؟… ދާނަން ދޯ.” ރާޔަންގެ ހަރަކާތްތައް ޝާމާއަށް ފާހަގަވެ އަހާލިއެވެ.

“މި… އަސްލު މި ވީކަންޑަށް އަހަރެންގެ ޕްލޭނެއް އެބައޮތް.” ރާޔަން ހިނިތުންވެލަން މަސައްކަތް ކުރަމުން ބޮލުގެ ފުއްކިބައާ ދިމާއިން އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ.

“އޯ… ދެޓްސް ޓޫ ބޭޑް ދެން.” ޝާމާގެ ތުންފަތުގައިވި ހިނިތުންވުން ވަގުތުން ފަނޑުވެއްޖެއެވެ.

“އެހެންމީހަކާ އެއްކޮށް ދޯ ދާން މިޖެހުނީ.” ޝާމާ އެނބުރިލަމުން ބުނެލިއެވެ.

“އާން…” ރާޔަން ބުންޏެވެ. އެއާއެކު ޝާމާ ހުއްޓި ފަސްއެނބުރި ރާޔަންއަށް ބަލާލިއެވެ.

“ފިރިހެން ކުއްޖަކާއެކު ފިލްމަށް ދާނީ.” ޝާމާ ބުނެލިއެވެ.

“އިޓްސް ނޮޓް ލައިކް އައި ކޭން ސްޓޮޕް ޔޫ…” މޫނު އަނބުރާލަމުން ރާޔަން ބުނެލީ ސަމާލުކަން ކުޑަވެފައި ހުރި ގޮތަކަށެވެ.

“ޔޫ ސްޓުޕިޑް… ވާތްލެސް އިޑިއަޓް…” ލޮލުކޮޅަށް ޝާމާ އޮބާލުމާއެކު ރާޔަންއަށް އިސްތަށިގަނޑުގައި ދެއަތުން ހިފާލެވުމާއެކު ހިތާހިތުން ގޮވައިގަތެވެ. ކަމެއް ރާވާފައޭ އޮތީ ބުންޏަސް، ހަފްތާ ބަންދުގައި ޝާއިނާއާ ބައްދަލުކުރުން މުހިންމެއް ނޫނޭ ރާޔަންގެ ހިތަށް އެރިއެވެ.

* * * * *

އަތުގައި އޮތް ފޯނުގައި ރައްކާކުރެވިފައި ހުރި ނަންބަރުތަކުގެ ތެރެއިން ހަނާގެ ސަމާލުކަން ދެވިފައިވީ ޝާއިނާގެ ނަންބަރަށެވެ. އެމޫނުމަތިން ކުރިން ފެންނަ ތާޒާކަމެއް ނެތެވެ. ޝާއިނާއަށް ގުޅާލާ ހިތް ހަނާވިއެވެ. އެކަމަކު އޭނާގެ ނަފްސަށް ކުރެވެނީ ކުށްވެރިކަމުގެ އިޙްސާސެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި ޝާއިނާއާއެކު އުޅެފައި ޝާމާ ޚިޔާރުކުރީ އަމިއްލައަށެވެ. އަނެއްކާ މިހާރު ޝާމާއާ ދުރުވެގެން އަލުން ޝާއިނާގެ އެކުވެރިކަން ހޯދަން ދާންވީ ހެއްޔެވެ. ލަދެއް ވެސް ހަނާގެ ނެތީތޯ، އޭނާގެ އަމިއްލަ ނަފްސު ސުވާލުކުރެއެވެ. ޝާއިނާ އޭނާ އަލުން އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނާނެ ހެއްޔެވެ. އޭނާއަށް ރަނގަޅު އެކުވެރިއަކަށް ނުވެވުނޭ ހަނާ ހިތަށް އެރިއެވެ. ހަނާއަށް ވިސްނުނީ އޭނާއަކީ ޝާއިނާއާ ކުރިމަތިލާނޭ ހިތްވަރެއްނެތް ފިނޑިއެއްކަމުގައެވެ. އެންމެ ރަނގަޅުވާނީ ހިމޭންކަން ޚިޔާރުކޮށްގެން ހުރުންކަމެވެ.

އަތްދަބަސް ތެރެއަށް ފޯނު ލާފައި އިމާރާތުގެ ތެރެއަށް ހަނާ ވަނެވެ. ކުރިއަށް އޮތް ގަޑި ފެށެންވާއިރަށް ކުލާހަށް ދިއުމަށެވެ. ސިޑިއާ ދިމާއަށް ހަނާ ހިނގައިގަތް ވަގުތު ކުރިމަތިން އަންނަ ޝާއިނާ ފެނުނެވެ. އޭނާގެ ގާތުގައި ހުރި އެކުވެރިޔާގެ ވާހަކަތަކަށް އޭނާ ހެނީއެވެ. ހަނާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ޝާއިނާ ވެސް ހުއްޓުނީ ހަނާ ބަލަން ހުރި ގޮތުންނެވެ. ޒީނިޔާ ފަރުވާކުޑަ ގޮތަކަށް ވަށައިގެން ކަޅި ހިންގާލިއެވެ.

“ލެޓްސް ގޯ ޒީ…” ޝާއިނާ މިހެން ބުނެ ހިނގައިގަތީއެވެ. ނަމަވެސް ހަނާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ވެއިޓް، ވާހަކަ ދައްކާލެވިދާނެތަ؟.” ހަނާ ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ.

“އަހަރެމެން ދައްކަންޖެހޭ ވާހަކައެއް އޮތްކަމެއް ނޭނގޭ.” ޝާއިނާގެ އަޑުގައި އެއްވެސް އަސަރެއްނެތެވެ. ހީވީ ނުދަންނަ މީހަކު އޭނާ ހުއްޓުވުމުން ވާހަކަދެއްކި ހެންނެވެ.

“ނުވާނެ ގިނައިރެއް… ސުވާލެއް އޮތީމަ… އިނާ!، ވޯޒް އިޓް ރިއަލީ ނޮޓް ޔޫ.” ހަނާ ކުރީ ހިތަށް އުނދަގޫކުރަމުން އައި ސުވާލެވެ.

“ނޭނގެ ތި ދައްކަނީ ކޮންވާހަކައެއްކަމެއް… އަނެއްކާ ތި އަހަނީ ޝާމާގެ ވާހަކަތަ؟. އަހަރެންގެ ކަންކަން ކޮޕީކުރަނީއޭ އޭރު ބުނީމަތަ؟، ނޫނީ ހަމްދަރުދީ އުފެދެމުން ގޮސް ތި ދެ މީހުން ބެސްޓް ފްރެންޑްސްއަށް ވަމުން އައިއިރު އެކަމާ އަހަރެން ރުޅިއައިމަތަ؟…. އެކަންކަމާ ގުޅިގެން ބުނި އެއްޗަކަށްނުވާނަމަ، ތިހެން އެހުމުގެ މާނައަކީ، ޝާމާ ކިޑްނެޕްކުރަން ފިރާޒު ގާތު ބުނި މީހަކީ އަހަރެންތޯތަ؟. މިހާ ދުވަސް ފަހުން، ކީއްކުރަން ތި ސުވާލު ކުރަނީ؟، އޭރު ހަނާއަށް ހުރިހާ ކަމެއް ވެސް ވަރަށް ޔަގީންކަމާއެކު އެނގިފައެއްނު އޮތީ، އަހަންނަކީ ހަނާއަށް އިތުބާރުކުރެވޭވަރު މީހަކަށް ވެސް ނުވި… އެހެންވެއެއްނު އަހަންނާ އެއްކޮށް ގުޅުން ކަނޑާލީ.” ހަނާއާ ދިމާއަށް ޝާއިނާ ހުރިހާ ވާހަކައެއް ގޮވާލިއެވެ. ކުށްވެރިކަމުގެ އިޙްސާސާއެކު ހަނާއަށް ހިންދިރުވާލެވުނެވެ.

“ނަދީމްގެ ފަރާތުން އަހަރެންނަށް ވާހަކަތަކެއް އެނގުނީ… އަހަރެން ޤަބޫލެއްނުކުރަން، އެކަމަކު ކުރެވޭ ޝައްކުތައް ޔަގީންކޮށްލަން ބޭނުންވީ. އަހަރެން ހިތަށް އެރީ އިނާއަށް އެނގެން ޖެހޭނެ ކަމެކޭ… އެނގޭތަ އިނާގެ ފުރަގަހުގައި އާމިލްއާ ޝާމާ ބައްދަލުކުރާކަން. އެވެސް އިނާއަށް ވެގެން… އިނާއަށް ވެގެން ހުރެ އާމިލްއާއެކު ގެސްޓް ހައުސްތަކަށް ޝާމާ ދޭ.”

“ސޯ… އެހެންވީރު އެއީ އެމީހުން ބައްދަލުކުރި ފުރަތަމަ ފަހަރެއްނޫން…” ޝާއިނާއަށް ބުނެލެވުމާއެކު ބޮލުގައި އޭނާ ހިފަހައްޓާލިއެވެ. އަރިއަޅާލަން އުޅުނު ހިނދު ޒީނިޔާ އޭނާގެ ގައިގާ ވަގުތުން ހިފަހެއްޓިއެވެ. ލޯކުރިމަތިން ސިފަވީ މަންޒަރުތަކުން ޝާއިނާގެ ހިތަށް އުނދަގޫވީއެވެ. މޫނުމައްޗަށް އަނދިރިވާން އުޅުނީއެވެ.

“އާ ޔޫ އޯކޭ…” ޒީނިޔާއާއި ހަނާއާ ދެ މީހުންނަށް ބުނެވީ އެއްފަހަރާއެވެ.

“ތި ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟” ހަނާއާ ދިމާއަށް ޒީނިޔާ ބުންޏެވެ. އެވަގުތު ޝާއިނާ ރަނގަޅުކަމުގައި އަމިއްލައަށް ބުނެލިއެވެ. އަދި ހަނާއާ ގާތަށް އޭނާ ފިޔަވަޅެއް އަޅާލިއެވެ.

“އަހަންނަށް މިހާރު ވިސްނިއްޖެ… ހަޤީޤަތުގައި ކިހިނެއްކަން މިވީ…” ޝާއިނާ ބުނެލިއެވެ. ދެން އޭނާ ފޯނު ނެގިއެވެ.

“ހަނާ ތި ވާހަކަތައް ދެއްކީމަ، އަހަރެން ވެސް އެއްޗެއް ދައްކަފާނަން، ކިޔާދިނުމަށްވުރެ ފެނުނީމަ ހުރިހާކަމެއް އެނގޭނެ.” ޝާއިނާ މިހެން ބުނެ އާމިލްއާއެކު ޝާމާ ނަގާފައި ފޮނުވި ފޮޓޯ، ފޯނުން ހަނާއަށް ދައްކާލިއެވެ. އެ ފޮޓޯ ނަގާފައި ހުރި ގޮތުން އާމިލްއާއި ޝާމާ ވެސް ތިބީ ބަރަހަނާ ހާލުގައިކަން ދެނެގަންނަން، ފޮޓޯ ބަލައިފި މީހަކަށްވިއްޔާ އެނގޭނެއެވެ.

“ވަޓް ދި… އިޒް ޝީ ކްރޭޒީ؟… އިޒް ދިސް ފޯ ރިއަލް…” ފޮޓޯ ފެނުމާއެކު ހަނާއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު އަޖައިބެގެން އަނގަ ހުޅުވިއްޖެއެވެ. އެ ފޮޓޯއިން ބުނެދެނީ ކޮން ވާހަކައެއްކަން ހަނާއަށް ވެސް އެނގުނީއެވެ. ޝާމާގެ ތުންފަތުން ފެންނަން ހުރި ވިހަ ހިނިތުންވުމުގައި ހަނާ ވެސް އަޅައިގަތެވެ.

“އިނާ، ކީއްވެ މިކަމާ ގުޅިގެން އެއްޗެކޭ ނުބުނީ… ކީއްވެ އޭރު ކިޔާ ނުދިނީ. މި ފޮޓޯ އޮތްއިރު، ހިމޭނުން ހުރީ ކީއްވެ؟.” ހަނާއަށް ބުނެވުނެވެ.

“ކީއްވެހޭ؟… އަހަންނަށް ހީވަނީ އަދިކިރިޔާހެން ޝާމާގެ އަސްލު ސިފަ ހަނާއަށް ފެންނަން ފެށީ، އޭރު އަހަރެން ދެއްކިނަމަ، ހަނާއަށް ޤަބޫލުކުރެވޭނެތަ؟.” ޝާއިނާ މާނަވީ ބެލުމަކާއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހަނާއަށް އިސްޖަހާލެވުނީއެވެ. އޭނާއަށް ކިޔައިދޭން ޝާއިނާ މަސައްކަތް ކުރިކަން ހަނާއަށް އެނގޭތީއެވެ. ޝާއިނާއަށް ހީވާ ގޮތޭ ބުނެ ހަނާ ވާހަކަ އޮއްބާލާ ހަނދާންވިއެވެ. ކަންކަން މާ އަވަހަށް ބޮޑުކޮށްލަނީއޭ ޝާއިނާއާ ދިމާއަށް ހަނާއަށް ހުރީ ބުނެވިފައެވެ. އަބަދު ޝާމާއޭ ކިޔައިގެން ވާހަކަދައްކާތީ އެކަމާ ހިތްހަމަނުޖެހިގެން، އެކަން ހުއްޓާލުމަށް ވެސް ހަނާއަށް ބުނެވުނެވެ.

“އި..ނާ… އައި އޭމް… ސޮރީ…” އިހުނަށްވުރެ ބޮޑަށް އިސް އޮބާލަމުން ހަނާ ބުނެލިއެވެ.

“އޭރު އަހަންނަށް ނޭނގުނީ… އިނާ ހިތްހަމަޖައްސާލަން ވެގެން ބުނީ ކޮއްކޮއިން އުޅޭނީ އެހެންނޭ، ޕެރަނޮއިޑްވެގެން އިނާ ނޫޅޭށޭ… އެކަހަލަ ކިތަންމެ އެއްޗެއް އަހަންނަށް ބުނެވުނު، އިނާގެ ވާހަކަތައް، ސީރިއަސްކޮށް އެއްފަހަރު ވެސް ނުނެގުނު… ދުވަހަކުވެސް ހިޔެއްނުކުރަން މިހިސާބަށް ކަންތައް ހިނގައިދާނޭ.” ހަނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

“އަހަރެން މި ފޮޓޯ ދެއްކި ނަމަވެސް ހަނާގެ ވިސްނުން ބަދަލެއްނުވާނެ، އަހަރެންގެ ވާހަކަ ޤަބޫލެއްނުކުރާނެ… ކިހިނެއްކަން އެނގެނީ އެނގޭތަ؟… ތީ އަހަރެންގެ ގާތް އެކުވެރިއެއްވީމަ. ހަނާގެ ގޮތް އެނގޭތީވެ، ހަނާ!… މަޢާފަށް އެދުނީމަ، އަހަރެން މަޢާފުކޮށްފިން، ޝުކުރިއްޔާ…” ހަނާގެ ކޮނޑުގައި ޝާއިނާ ދެއަތުން ހިފަހައްޓާލިއެވެ.

“މިހުރިހާ ކަމަކަށްފަހު ވެސް އަހަންނާ ވާހަކަދައްކައި، ކަންތައްވީގޮތް ކިޔާދިނީތީ ޝުކުރިއްޔާ.” ހަނާ މަޑުމަޑުން ބުނެލިއެވެ.

“އެކަމަކު އަހަރެމެންނަށް ދެން އަލުން އެކުވެރިންނަކަށް ނުވެވޭނެ.” ޝާއިނާ ބުންޏެވެ. އެއާއެކު ހަނާއަށް އިސްއުފުލައި ޝާއިނާއަށް ބަލާލެވުނެވެ.

“ޔޫ އަންޑަސްޓޭންޑް، ޑޯންޓް ޔޫ؟.” ޝާއިނާ އަހާލިއެވެ. ހަނާއަށް އަނގައިންނެއް ނުބުނެވުނެވެ.

“ގުޑްބައި ހަނާ… ޓޭކް ކެއާ…” ހަނާގެ ކޮނޑުން އަތް ނަގަމުން ޝާއިނާ ބުންޏެވެ. ދެން އޭނާ ޒީނިޔާއާއެކު އެތަނުން ދިއުމަށް ހިނގައިގަތެވެ.

ހަފްތާއެއް ވަންދެން ގޭގައި ހުރެފައި ހަނާ ކޮލެޖަށް ނުކުތެވެ. އޭނާ އިދާރާ ބައިން ނުކުންތައް ލިއުޝާއަށް ފެނިގެން ގޮވާލިއެވެ. އެސައިންމެންޓެއް ލީ ތޯ ލިއުޝާ އަހާލުމުން ހަނާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ. ކުލާސްތަކުން ނުފެންނަކަން ފާހަގަކުރަމުން، ކޮލެޖުގެ ކެފްޓީރިއާއަށް ދަންޏާ ލިއުޝާ ވެސް ދާނަމޭ ބުނެލިއެވެ.

“ގެއަށް މިދަނީ، އަހަރެން މި ސެމް ނިމެންދެން މަޑެއް ނުކުރާނަން.” ހަނާ ބުނެލިއެވެ.

ލިއުޝާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ހަނާގެ ފަހު ސެމަސްޓާއަށް ވާއިރު ކިޔެވުން މެދުކަނޑާލުމަކީ ރަނގަޅު ޚިޔާލެއްކަމަށް ނުފެނެއޭ ލިއުޝާ ބުންޏެވެ. އޭގެ ޖަވާބެއްގެ ގޮތުން ހަނާ ބުނީ، އޭނާ ރާއްޖޭން ބޭރަށް ފުރަނީ ކަމުގައެވެ. ހަދަމުން އަންނަ ކޯހުގެ، އޮންލައިންކޮށް ކުރިއަށް ގެންދާ ކުލާހާ އޭނާ ބައިވެރިވާނީ ކަމެވެ. ކުރިން ހަނާ ގަސްދުކޮށްގެން ހުރީ ކޯސް ނިމުމުން ރާއްޖޭން ބޭރަށް ފުރާށެވެ. އެކަމަކު އޭނާ އެ ދަތުރު އަވަސްކުރީއެވެ.

“އެހެންވީމަ މީ އެންމެ ފަހު ދުވަސްތަ އަހަރެމެން ދިމާވާނޭ… ހިނގާ އަހަރެން ކޮފީ ދޭނަން. ޝާމާއަށް އެނގޭތަ؟.” ލިއުޝާ އަހާލިއެވެ.

“ވަރަށް އަވަހަށް ދާން މިދަނީ. ފުރުމުގެ ކުރިން ކުރަން ޖެހޭ މުހިންމު ކަމެއް އޮތީމަ” ހަނާ ބުނެލިއެވެ. ލިއުޝާ ލުއި ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ. އޭނާއަށްވުރެ ކުރިން ހަނާ ސިޑިން ފައިބައިގެން ހިނގައްޖެއެވެ.

* * * * *

ކެފޭ ކައިރީ ހަނާ މަޑުކޮށްލައިގެން ހުއްޓައި، ސައިކަލުގައި އައި އާމިލް އެ ހިސާބަށް މަޑުކޮށް ސައިކަލު ޕާކުކޮށްލިއެވެ. އޭނާ އައިސް ހަނާގެ ގާތުގައި މަޑުކޮށްލުމާއެކު ވާހަކަދެއްކިއެވެ.

“ތީ ޝާމާގެ ފްރެންޑެއް… ކޮންވާހަކައެއް ދައްކަން އަހަރެން މިތަނަށް ގެނައީ…” އާމިލްގެ ހުރީ ރުންކުރު ގޮތެކެވެ. ހައިރާންކަމާއެކު އާމިލްއަށް ބަލަން ހަނާއަށް ހުރެވުނެވެ. އޭނާއަށް ހަމަ ރަނގަޅަށް ވެސް ހަނާ ނޭނގުނީބާއޭ ހިތަށް އެރިއެވެ.

“އަހަރެން މިއައީ ޝާމާގެ ރަޙުމަތްތެރިއެއްގެ ގޮތުގައެއްނޫން، އެކަމަކު ޝާއިނާގެ ކުރީގެ ރަޙުމަތްތެރިއެއްގެ ގޮތުގައި.” އާމިލްއަށް ބަލަން ހުރެފައި ހަނާ ބުނެލިއެވެ.


— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *