THIYAEE MAGEY MITHURAA EY [EP: 07]

“ޒަހުރާ، ޒީވާ ނާދޭތަ ކާކަށް” އާންމުކޮށް ޒީވާ ކާން އަންނަ ގަޑިއަށް ބަދިގެއަށް ވަދެއިން ލޫތު އަހާލިއެވެ.

“މިއަދު ހެނދުނު ސައިބޯކަށް ވެސް ނާދޭ، ހީވަނީ ކުޑަކޮށް ބަލިވެ އުޅޭހެން، އެހެންނޫނީ ނުބުނާނެ ކޮޓަރިއަށް ކާއެއްޗެހި ގެނެސްދޭކަށް، ޒީވާއަކީ އަމިއްލައަށް ކަންކަން ކުރާހިތްވާ ކުއްޖެއް” ލޫތުގެ ރަޙުމަތްތެރިން އަންނަންނަ ވާއިރަށް ތަފާތު ވައްތަރުގެ ހިކިކާނާ ތަށިތައްޓަން އަޅަން ހުރި ޒަހުރާ ބުނެލިއެވެ. އެއާއެކު ލޫތު ވަގުތުން ތެދުވެގެން އެތަނުން ނިކުމެގެން ދިޔައެވެ.

“ޒަހުރާ، އަހަންނަށް ކަމެއްކޮށްދީބަލަ” ގިނައިރެއް ނުވެ ލޫތު އެނބުރި އައިސް ބަދިގެއަށް ވަންނަމުން ބުނެލިއެވެ.

“ކޮންކަމެއް؟” ޒަހުރާ ކުރަންހުރި މަސައްކަތް ހުއްޓާލަމުން އަވަހަށް އަހާލިއެވެ.

“އާދެބަލަ…” ލޫތު އިޝާރަތްކޮށްލަމުން ބުނެލިއެވެ. ހައިރާންވެފައި ހުރި ޒަހުރާ، ލޫތުގެ ފަހަތުން ހިނގައިގަތެވެ.

ދޮރުގައި ޓަކިޖަހާއަޑުއިވުމާއެކު ކުޑަދޮރު ކައިރީ އިން ޒީވާ ސިހިފައި ބަލާލިއެވެ. ފުރަތަމަ ވެސް ހިތަށް އެރީ ލޫތުގެ ނަމެވެ. އޭނާ ނޫނީ އެ ކޮޓަރީގައި ޓަކިދޭނެ މީހަކު ނުހުންނާނެއެވެ. ޝަފްޤާއަކީ ދޮރެއްގައި ޓަތްކެއްދޭން އެނގޭ ވެސް މީހެއް ނޫނެވެ. ލޫނާއަކީ އޭނާގެ ބޮޑާކަމާއި ފޮނިކަމާއި ހެދި ޒީވާއާ އަނގައިން ބުނާނެ މީހެއްނޫނެވެ. ދެން ހުންނާނީ ޒަހުރާއެވެ. އޭނާ ޒީވާއަށް ގޮވާލާނެއެވެ. އެހެންނޫނަސް މީ އާންމުކޮށް އެކޮޓަރިއަށް ޒަހުރާ އަންނަ ވަގުތެއް ވެސް ނޫނެވެ. ދޮރުނުހުޅުވަން ނިންމައިގެން ޒީވާ އިނެވެ.

“ޒީ… ޒީވާ…” ތަޅުލާފައި ހުރި ކޮޓަރީގެ ތަޅުގައި ހިފާލަމުން ޒަހުރާ ގޮވާލިއެވެ. އެއަޑާއިއެކު ހައިރާންކަން ވެރިވެގެން ދިޔަ ޒީވާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަނެއްކާ ވެސް ޒަހުރާ ގޮވާލިއެވެ. ޒީވާއަށް ހީކުރެވުނު ގޮތް ބަދަލުވެގެން ދިޔައީ ޒަހުރާގެ އަޑުއިވިފައެވެ. ދެން ހިތަށް އެރީ ކާންގެނައި ތަށިތައް ބަލައި ޒަހުރާ އައީކަމުގައެވެ. އެހެންވެ އަވަސް އަވަހަށް ދޮރު ހުޅުވާލިއެވެ. އެއާއެކު ޒީވާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީ ހުރީ ލޫތެވެ. ޒަހުރާ ފެންނާކަށް ނެތެވެ. މިހާރު ޒަހުރާގެ އަޑުން ވާހަކަދައްކަން ވެސް ލޫތު ދަސްކުރީބާއޭ ޒީވާގެ ހިތަށްއެރިއެވެ.

“ޒަހުރާ…” ސިހިފައި ހުރެ ޒީވާއަށް ބުނެލެވުނެވެ.

“އޭނާ ހިނގައްޖެ” ލޫތު ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅާލުމާއިއެކު ޒީވާ ކުއްލިއަކަށް ދޮރުލައްޕަން އުޅުނެވެ. އެކަމަކު ލޫތަށްވުރެ އޭނާ ބާރުގަދައެއް ނުވިއެވެ. ދޮރުގައި ހިފަހައްޓާލައިގެން ހުރި ޒީވާގެ އަތް ލޫތު ނައްޓުވާލުމާއެކު އެކޮޓަރިތެރެއަށް އޭނާ ވަދެ ދޮރުލެއްޕިއެވެ.

“ލޫތު….” ބިރުވެރި ގޮތަކަށް ޒީވާއަށް ބުނެލެވުނެވެ.

“ކީއްވެތަ ކޮޓަރީގައި ތިކަނީ، ބަލިވީތަ؟ ޑޮކްޓަރަށް ދައްކަންވީނު” ޖިންސުގެ އަރިމަތީ ޖީބަށް އަތްޖަހާލައިގެން ހުރި ލޫތު ވާހަކަދެއްކިއެވެ. އޭނާއަށް ޒީވާގެ މޫނުމަތީގައިވާ ހާސްކަން ނުފެންނަ ކަހަލައެވެ. ކުޑަކޮށް ވެސް އޭނާ ކަންބޮޑެއްނުވެއެވެ. ޒީވާ އާއިއެކު އެކަނިވެލެމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ޔަޤީނުން ވެސް އޭނާ އެ ކޮޓަރިން ނެރޭނެހާ ބާރެއް ޒީވާގެ ނުހުންނާނެކަން ލޫތަށް އެނގޭތީ އަމިއްލަ ނަފުސުގެ މައްޗަށް ފަޚުރުވެރިފައި ހުރި ފަދައެވެ.

“އަހަރެން ބައްޔެއްނޫން، ދެން މިކޮޓަރިން ނިކުންނަންވީނު” އިރުކޮޅަކު ލޫތަށް ބަލަހައްޓައިގެން ހުރެފައި ޒީވާ ބުނެލިއެވެ. އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައި ހުއްޓެވެ. އަނެއްކޮޅުން އޭނާ ބޭނުންވަނީ ލޫތު އެކޮޓަރިން ނެރޭށެވެ. މިފަދަ ގޮތަކަށް ލޫތު ވަދެދާނެކަމަކަށް ޒީވާ ހުރީ ތައްޔާރުވެގެނެއްނޫނެވެ.

“ދޮގެއް ދޯ ތިހެދީ، ހުންއައީތަ؟ ރޯގާޖެހުނީތަ؟ ދައްކަބަލަ…” ލޫތު ކުރިއަށް ޖެހިލަމުން އުޅުނީ ޒީވާގެ ނިތްކުރީގައި އަތްޖައްސާލާށެވެ. އެހެންނަމަވެސް ޒީވާ ދެތިން ފިޔަވަޅު ފަހަތަށް އަޅާލީ ލޯހިމަކޮށްލަމުން ދެބުމަގޮށްޖާލާފައި ހުރެއެވެ.

“ކޮންކަމަކާތަ ތިފަސްޖެހެނީ، އަހަންނަށް އެނގިފައި އޮތް ގޮތުގައި ތީ ވަރަށް ހިޓުކޮށް އުޅޭ ކުއްޖެއް، އެހެންވީމަ އަދި ފިރިހެނަކު އަތްދިއްކޮށްލައިގެން ތިވަރަކަށް ނުސިހޭނެ ދޯ” ލޫތު ބޯއަރިކޮށްލަމުން ޒީވާއަށް ބަލައިލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ.

“ހެވެއްނު، މިކޮޓަރިން ނިކުމޭ، އެހެންނޫނީ ދައްތައަށް މިގޮވަނީ” މޫނު ހަދާލައިގެން ހުރި ޒީވާ ބުނެލިއެވެ.

“އޯކޭ…އޯކޭ… އަހަރެން މިތަނުން ނިކުމެދާނަން، އެކަމަކު ބުނެބަލަ ކީއްވެކަން ބޭރަށް ކާންނުނިކުތީ؟” ދެޖީބަށް އަތްޖަހާލުމާއިއެކު ލޫތު ދުރަށްޖެހި އަހާލިއެވެ. ނަމަވެސް ޒީވާ އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރިވަރު ލޫތަށް ފެނެއެވެ. އެކަމަކު އޭނާ އެކަން އެނގޭ ކަމަކަށް ނުހެދިއެވެ. އެގޮތަށް ޒީވާއާ އެކަހެރިކޮށް ވާހަކަދައްކާލަން އޭނާ ހުރީ ބޭނުންވެފައެވެ. އެހެންވެ މި ލިބުނު ފުރުޞަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން އޭނާ ބޭނުންވިއެވެ.

“އަހަންނަށް ހީވަނީ އަސްލު ޒީވާ ބޭނުމެއް ނުވޭހެން އަހަރެން މިކޮޓަރިން ނިކުންނާކަށް، އެހެންނޫންނަމަ އަހަރެން ކުރި ސުވާލަށް ޖަވާބުދީފައި އަހަރެން މިތަނުން ބޭރުކުރީހެއްނު” އަމިއްލަ ނަފުސުގެ މައްޗަށް އޮތް އިތުބާރު އިތުރުވެފައި ހުރި ގޮތަކަށް ލޫތު ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން ކަލެއާ ވާހަކަދައްކާކަށް، މިތަނުން ނިކުމޭ، މީ މަގޭ ކޮޓަރި، އަހަރެން ވެސް އެހެންމީހުންނަށް އުނދަގުލެއް ނުކުރަން، އަހަންނަށް ހީވަނީ އަހަރެން ދައްކާވާހަކަ ކަލެއަށްހެން އަޑުނީވެނީ، މިކިޔާ އެއްޗެއް ކަލެއަށް ސާފު ނުވަނީތ؟” ހަޝަމްބަދެލުމާއެކު ފުންނޭވާއެއްލާފައި ޒީވާ ބުނެލިއެވެ.

“ކޮން ކަލޭ… ކަލޭ… އެއްތަ ތިކިޔަނީ، އަހަންނަށް ކިޔަނީ ލޫތު، އަހަރެންގެ ނަމުން މުހާތަބުކޮށްބަލަ، އަހަރެން ވެސް ޒީވާއަށް ކަލޭ… ކަލޭއެއް ނޫން ދޯ ކިޔަނީ، އަހަރެން ވަރަށް ފޫހިވޭ ކަލޭ ކީމަ” ލޫތު ހީވަނީ ޒީވާ ލައްވާ އިތުރަށް ވާހަކަދައްކުވަން މަސައްކަތް ކުރާ ހެނެވެ.

“ކޮންމެހެން ޖެހޭތަ ނަންކިޔަން، އަހަރެން ބޭނުންއެއްޗެއް ކިޔާނީ، ދެން އިތުރަށް މިތާ މަޑުކުރާނަމަ އަހަރެން ދައްތައަށް ގޮވާނަން” ހަރުކަށިކަމާއެކު ޒީވާ ވާހަކަދެއްކިއެވެ. ނަމަވެސް އެކަމުން ލޫތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާ ފެންނަނީ ވަރަށް ހަމަޖެހިލާފައި ހުރިތަނެވެ.

“އަހަރެން ބޭނުންވީމަ މި ކޮޓަރިން އަހަރެން ނެރެވޭނީ، ޒީވާ ތިހާ ބޭނުންވަންޏާ ނިކަން އަހަރެންގެ މަންމައަށް ގޮވާބަލަ، އަހަރެން ހާހެއްނުވޭ، އަދި ބިރެއް ވެސް ނުގަނޭ” ލޫތު އެއްފަރާތަށް އެނބުރިލަމުން ބުނެލިއެވެ. ހީވީ ޝަފްޤާއަށް ގޮވަން ޒީވާއަށް ފުރުޞަތުދީފައި އެއްފަރާތްވެލިހެނެވެ. ކުރިއަށް ވުރެ ބޮޑަށް ޒީވާ ލޯއަޅާލުމާއިއެކު ތުންފިއްތާލިއެވެ. ފަސޭހަގޮތެއްގައި ލޫތުގެ ގާތުން ސަލާމަތެއްނުވެވޭނެކަން އޭނާއަށް ވިސްނުނީކަންނޭނގެއެވެ.

“ކަލޭ މިކޮޓަރީގައި ހުންނަ ހިތްވަންޏާ ހުރޭ…” މިހެން ބުނެ ޒީވާ ހިނގައިގަތީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ނަމަވެސް އެހިސާބަށް ނުދެވެނީސް ލޫތު، ޒީވާގެ އަތުގައި ހިފައި ދަމައިގަތެވެ. އެއާއެކު އޭނާ އައިސް ލައްވީ ލޫތުގެ މޭގައެވެ. ބޭއިޚްތިޔާރުގައި ހަޅޭލަވައިގަންނަން ހުޅުވާލި އަނގަމަތީ އެޅުނީ ލޫތުގެ ބޮޑު އަތްތިލައެވެ. އެޔެއް މިޔެއް ނުބަލާ ޒީވާ ތެޅިގަތެވެ. ކޮންމެ ގޮތަކުން ވިޔަސް ލޫތުގެ އަތުގެތެރޭން ސަލާމަތްވުމަށެވެ. ޒީވާގެ އުނަގަނޑުގައި ވަށާލާފައި އޮތް ލޫތުގެ ބާރުގެ އަތުން އޭނާ އުފުލާލިއެވެ. އަދި މަޑުމަޑުން ޒީވާގެ ކަންފަތްދޮށުގައި ލޫތު ވާހަކައެއް ބުނެލިއެވެ.

“އަހަރެން ބޭނުންނަމަ ތިއަންހެން ކުއްޖާއަށް ކޮންމެކަމެއް ވެސް ކުރެވިދާނެ، އެކަމަކު މިއަދު މިކޮޓަރިއަށް މިވަނީ ޒީވާގެ ހާލު ބަލަން ބޭނުންވެގެން، މިހާތަނަށް ދިމާވި އެންމެ ތަފާތު އަންހެންކުއްޖަކީ ތީ، އެ ތަފާތުކަން އަހަރެންގެ ސަމާލުކަން ހޯދައިފި، ސޯ ޕްލީޒް… ސްޓޮޕް އިގްނޯރިންގ މީ، އަހަރެން ޒީވާއަށް ފޯސްކުރާކަށް ބޭނުމެއްނޫން، އެކަމަކު ޒީވާގެ ސަމާލުކަން ހޯދަން އަހަރެން ބޭނުން…” ލޫތު ވައިއަޑުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ދެން ވެސް ޒީވާ ތެޅިފޮޅެމުން ދިޔައެވެ.

“މައިތިރިވެބަލަ، އަހަރެން ދޫކޮށްލާނަމޭ، މިބުނީނު ނޫޅެމޭ ކަމެއްކުރާކަށް…” ޒީވާ މަޑުނުވުމުން ލޫތު ތަންކޮޅެއް ބާރަށް މިފަހަރު ބުންޏެވެ. އެއާއެކު ޒީވާ މައިތިރިވިއެވެ. ލޫތު އޭނާ ބުނިހެން މަޑުމަޑުން ޒީވާ ބަހައްޓާފައި އޭނާ އާއި ދުރުކޮށްލިއެވެ. ޒިވާ އަވަސް އަވަހަށް ދުރަށް ޖެހިލުމާއިއެކު ލޫތަށް ބަލާލިއެވެ. އޭނާގެ ތުންފަތުގައި މަސްތީ ހިނިތުންވުމެއް ދުވެލިއެވެ. އަދި ކުރިއަށް އައީ އެކޮޓަރިން ނިކުންނަން ކަމެއް ޒީވާއަކަށް ނޭނގުނެވެ. އޭނާ ހީކުރީ ދެން ވެސް ލޫތު އެ އަންނަނީ އޭނާއާ ދިމާލަށް ކަމަށެވެ. އެހެންވެ ދޮރާ އެންމެ ކައިރީގައި ހުރި ކަބަޑުމަތިން ޒީވާގެ އަތަށް ހެޔޮވަރުކޮށްލި ވާސް ނަގާ ލޫތާ ދިމާލަށް ހޫރާލިއެވެ. ބިއްލޫރި ވާސްތަޅައިގެން ދިއުމާއިއެކު ކުއްލިއަކަށް ލޫތު އޭނާގެ ނިތްކުރިމަތީ އެއްފަރާތުން އަތްއަޅާލީ ތަދުވެގެންނެވެ. އަދި ސިކުންތުކޮޅެއްގެ ތެރޭ އޭނާގެ އަތްތަލައިން ރޮނގުހަދާލާފައި ލޭތައް ފައިބަން ފެށިއެވެ. ޒީވާ ހުރިގޮތަށް ހުރީއެވެ. ލޫތު އޭނާއަށް ބަލާލާފައި އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް އެ ކޮޓަރިން ނިކުތެވެ. އަދި ނިކަން ބާރަށް “މަންމާ…” ކިޔާ ޝަފްޤާއަށް ގޮވާލިއެވެ. އޭރު ކޮޓަރިތެރޭ ހުރި ޒީވާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކުރެވުނު ކަންތަކާއިމެދު ވިސްނާލެވުނީ ދެނެވެ. ޝަފްޤާ އައިސް ދާނޭ ހީކޮށް އަތްމަތި އަވަސް އަރުވާލާފައި ތަޅައިގެން ދިޔަ ވާސްގެ ބިއްލޫރިކޮޅުތައް ހޮވަން ފެށިއެވެ. ކޮޓަރިތައް ފޮޅާ ސާފުކުރަނީ ޒަހުރާކަމަށްވާތީ، އެގެއަކީ ކޮޓަރިތަކުގައި ފިހިގަނޑު ބަހައްޓާފައި ހުންނަ ގެއެއްނޫނެވެ. ކޮންމެ ފަހަރަކު ސާފުކުރާ ސާމާނު ހިފައިގެން އަންނަނީ ޒަހުރާއެވެ. އެތަކެތި ހުންނަ ތަނެއް ވެސް އެނގޭނީ ޒަހުރާއަށެވެ. ހަދާނެގޮތެއް ނޭނގިގެން ދެކޮޅަށް އެނބުރި އެނބުރިފައި ޒީވާ އައިސް އެނދުގެ ސައިޑްޓޭބަލް މަތީ ހުރި ޓިޝޫ ފޮށިން ޓިޝޫތަކެއް ނެގިއެވެ. އަދި އޭގެން ތަޅުންގަނޑު ސާފުކުރަން ފެށިއެވެ.

* * * *

“ވާފިރު، މިހާރު ގެއަށްދާލެއް މަދުވީމަ އަންހެނުން ޝަކުވާއެއް ނުކުރޭތަ” ކޮފީތަށި ހިފައިގެން އައިސް ވާފިރުގެ އަތަށް ދިއްކޮށްލަމުން ދިޔާނާ އަހާލިއެވެ.

“އަހަރެން ގެއަށްވަނީމަ އިތުރަށް ބޯގޮވުން ނޫންކަމެއް ނުވޭ، ސުހާނާ އާއި އަކްމަލް ޒުވާބު ނުކުރާ ރެއެއް މަދުވާނެ، އަނެއްކާ އަކްމަލް ގެއިން ފެންނަނީ ވަރަށް މަދުން، މިހާރު ވަރަށް ރައްޓެހިން ވެސް ގިނަވެއްޖެހެން އަހަންނަށް ހީވާތާ ދުވަސްކޮޅެއްވެއްޖެ، ބޭރަށް ނުދަންޏާ އޭނާ ނިކުމެ އިންނަނީ މަގުމަތީ ޕާކުކޮށްފައި ހުންނަ ސައިކަލުތައްމަތީ، މިހެން އުޅެފައި ދިމާވާ ފަހަރަކު ވެސް އަހަންނަށް ހީވަނީ އޭނާގެ ގައިން ސިނގިރޭޓި ވަސް ދުވާހެން، އެއްވެސް ކަމަކާ ވާހަކަދައްކާކަށް އޭނާ ބޭނުމެއްނުވޭ، ދެން ދިޔާނާ ބުނެބަލަ… އަހަރެން ގެއަށް ދިޔައްޔޭ ކިޔާފައި ހަމަޖެހުމެއް ލިބޭނެތަ” އަތުގައި އޮތް ކޮފީ ތައްޓަށް ބަލަހައްޓައިގެން އިނދެފައި ވާފިރު ދިޔާނާއަށް ބަލާލިއެވެ.

“ތީ ވެސް ތެދެއް، އެކަމަކު ދަރިފުޅު ގެއްލި ހަލާކުވަންދެން ބަލަން ހުންނާކަށް ވެސް ނުވާނެއެންނު، މިހާރު ކޮބާތަ އޭނާ އިންނަން އުޅުނު ކުއްޖާ” ވާފިރުގެ ގާތުގައި ސޯފާގައި އިށީންނަމުން ދިޔާނާ ވާހަކަދެއްކިއެވެ.

“ނޭނގެ، ހިޔެއްނުވޭ އެމަންޖެއާ ގުޅެން އަކްމަލް ވިސްނާހެނެއް، މިކަންތައްގަނޑަކާއި ހެދި އެދެމީހުން ދުރުވީހެން ބޮޑަށް ހީވަނީ، އެހެންތާ ވާނީ، އެކުއްޖާގެ ދިރިއުޅުން ވެސް މުޅިން ބަރުބާދުވީ ވިއްޔާ، އޭނާގެ މައިންބަފައިންގެ ފިއްތުންތައް ވެސް އަންނާނެ އެންނު، އެހެންވިޔަސް އަހަރެން ބުނެފިން އަކްމަލް ގާތު އަހަރެން މިހިރީ އެ ދެކުދިންގެ ކައިވެނި ކޮށްދޭ ގޮތަށޭ… ނުބުނި އެއްވެސް އެއްޗެއް…” ވާފިރުގެ އަޑުން ވެސް އޭނާ އަކްމަލް އާއި މެދު މާޔޫސްވެފައި ހުރިވަރު އެނގެއެވެ.

“ދެން އެހެންވީރު ހިނގާބަލަ އޭނާ ގޮވައިގެން ރާއްޖޭން ބޭރަށް ދަމާ، ދުވަސްކޮޅަކު ބޭރުގައި އުޅެލާފައި އައީމަ ރަނގަޅު ވެސް ވެދާނެ، މިކޮޅުގައި ހުރީމަ އޭނާ މާބޮޑަށް ވިސްނަނީ ކަމަށް ވާނީ” ދިޔާނާ، އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ބޭރަށް ގޮސްލާފަވެސް އަލުން އައިސް އުޅެން އޮތީ ހަމަ އެގޭގައި، އެ މީހުންގެ ތެރޭގައި، ސުހާނާގެ އެހުންނަ ގޮތް ބަދަލުވެގެން ނޫނީ އަހަރެންގެ ހިތެއް ނުބުނޭ އަކްމަލްއަށް ހިތްހަމަޖެހިލައިގެން އުޅެވިދާނެއެކޭ” ވާފިރު ބުންޏެވެ.

“ވާފިރު، މިވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަން ވެސް އެނގޭ، އެކަމަކު މިހާރު ކިހާ ދުވަހެއް މިވަނީ، އަހަރެން ވެސް ބޭނުމެއްނޫން މިގޮތަށް އުޅޭކަށް، އަނތްބެއްހެން އަހަރެން އުޅޭއިރު، ހަޤީޤަތުގައި އަހަންނަނީ ވާފިރުގެ އަނތްބެއް ނޫން، އެހެންނޫންނަމަތާ މައެއްގެ ހައިސިއްޔަތުން ވާފިރުގެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނީ، އަހަރެން ބޭނުން އަކްމަލްއަށް ތިގޭގައި ހުރުމަކީ ދަތިކަމަށްވަންޏާ މިގެއިން ކޮޓަރިއެއް އޭނާއަށް ދޭން، އޭރުން ހަމަގައިމު ވެސް ހަމަޖެހިގެން އުޅެވޭނެއެންނު، އޭނާއަށް އުނދަގޫކުރާކަށް ނާންނާނެ އެކަކު ވެސް، އެހެންވިޔަސް… ކީއްކުރާނީ… އަހަންނަކީ ނަބީހާ ހާ ނަސީބު ގަދަ މީހެއްނޫން، އަނތްބަކަށް ވުމުގެ މާގިނަ ފުރުޞަތުތަކެއް އަހަންނަކަށް ނެތް…. ރަނގަޅުގޮތް ޚިޔާރުކުރަން ކިތަންމެ ވަރަކަށް ވެސް ވިސްނަން، އެކަމަކު ކޮންމެ ފަހަރަކު ވެސް ހުރަސް އަޅަނީ ލޯބި، ހުރިހާ ކަމަށް އަހަރެންގެ ހިތުގައި ވާފިރުގެ މައްޗަށް މިވާ ލޯބި ހުރަސް އަޅާ” އިސްޖަހާލައިގެން އިނދެ ދިޔާނާ ބުނެލިއެވެ.

ދިޔާނާގެ ވާހަކައާމެދު ވާފިރު ވިސްނިއަސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. މިފަހަކަށް އައިސް އޭނާއަށް ނަބީހާއަށް އަޅާނުލެވެއެވެ. ގެއަށް ވަދެވުނަސް ނިކަން ފަސޭހައިން ނަބީހާ ދެކެ ރުޅި އާދެވެއެވެ. އަނެއްކާ ދިޔާނާ ދެކެ މާބޮޑަށް އޭނާއަށް ލޯބިވެނީބާއޭ ވާފިރުގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެވަރަށް ލޯބިވާނަމަ އޭނާ މިހާރު ދިޔާނާ އާއިއެކު ކައިވެންޏަކާއި ހަމައަށް ދިއުމަށް ނުވިސްނައެއް ނުހުންނާނެއެވެ. ދިޔާނާ ދެރަވާކަން ވެސް އޭނާއަށް އެނގެއެވެ.

“ވާފިރު، ހިތްހަމަނުޖެހިފައި ނީނނައްޗޭ، އަހަންނަކީ ވެސް އަންހެނެއް، ލޯބިވާ މީހާ އާއިއެކު އިނދެގެން ރަނގަޅު ދިރިއުޅެމެއް ބޭނުން، އުމުރުން މިހިސާބަށް ދިޔަނަމަވެސް އަހަރެންގެ އަމިއްލަ ދަރިއަކު ވެސް ބޭނުން، އެކަމަކު މި ހުވަފެންތަކަކީ ހަޤީޤަތެއްނެތް ވަސްވާސްތަކަކަށް ވެދާނޭތީ ބިރުގަންނަނީ، އަމިއްލަ ލޯބީގެ މައްޗަށް އިތުބާރު ކުޑަވަނީ” ދިޔާނާ ވަރަށް އަސަރާއިއެކު ވާފިރުގެ އަތުގައި ހިފާލިއެވެ.

“އަހަރެން… ނަބީހާއާ ތިވާހަކަ ދައްކާނަން… ކޯއްޗެއްތަ މިރޭ ކާން ހެދީ، އަވަހަށް ކައިގެން ދާން އެބަޖެހޭ، ގޭގެ ރައީސް ކުކަރު ހަލާކުވެގެން އޭގެ އެއްޗެއް ގެންދަން އެބަޖެހޭ” ވާފިރު ކުޑަކޮށް ދިޔާނާގެ ހިތްހަމަޖައްސާލަ ދެމުން ވާހަކަ ބަދަލުކޮށްލިއެވެ. ނަބީހާގެ ގާތުގައި ދިޔާނާގެ ވާހަކަ ދައްކާނަމޭ ބުނުމަކީ ވެސް، ދިޔާނާގެ ނަޒަރުގައި ވަރަށް ބޮޑު ވަރެވެ. މިނޫނީ އެހެންވެސް ވާފިރު ނުބުނޭވިއްޔާއެވެ.

ރޭގަނޑުގެ ކެއުމުގައި ކާމޭޒު ދޮށުގައި ބައިވެރިވީ ހަމައެކަނި އަދީލެވެ. އަކްމަލް ވީހިސާބެއް ވެސް ނަބީހާއަށް ނޭނގެއެވެ. ސުހާނާ ކުރީބައިގައި ތަށްޓަށް އެއްޗެހި އަޅައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އަދީލު ކައިގެން ދިއުމުން ނަބީހާ އިނީ އެކަނިވެފައެވެ. ވާފިރު ގެއިން ނުކާތާ ދެދުވަސްވީއެވެ. ދެރެއިން އެއްރޭ ވެސް މިހާރު ނިދަން ނާދެވެއެވެ. ދަރިންގެ ކަންތައްތައް ބަލަހައްޓަން އިތުރަށް އޭނާ ކުރާނީ ކޮންކަމެއްކަން ނަބީހާއަކަށް ނޭނގުނެވެ. ބޮޑުތަށީގެ ފުރެންދެން އޭގެ ދެބަތްތަށި ކަލާ މީހާއަށް މިރޭ ދެސަމްސާ ބަތް ވެސް ނުކެވުނެވެ. ތަށި ހާވަހާވާފައި އިސްރާފު ނުކުރާންވެގެން އެޅި އެތިކޮޅު ކާލީއެވެ. ހުރިހާ ތަށިތައް ދޮވެފައި ބަދިގެ ތެރެއިން ސަލާމަތްވެގެން އައިސް ސޯފާގައި ނަބީހާ އިށީނެވެ. ޓީވީ ހުޅުވައިގެން އިނަސް އޭނާ އިނީ މުޅިން އެހެން ފިކުރެއްގައެވެ. އެހެން އިންދާ ދިހައެއް ޖަހާލަނިކޮށް އެގެއަށް ޒުބޭދާ އައިސް ވަނެވެ. އޭނާ އަތުއްވެއްޖެއްޔާ ކޮންމެވެސް އައު ޚަބަރެއް ލިބޭނެއެވެ. މުޅި ހިސާބު ގަނޑުގެ ވާހަކަތައް ހިފައިގެން ނޫނީ އޭނާ ނާންނާނެއެވެ. އަނެއްކާ މޮޅުކަމަކީ އޭނާއަށް ނޭނގިއެއް އެހިސާބުގައި ކަމެއް ނުހިނގާނެކަމެވެ.

ސަލާމް ގޮވާލާފައި ހިނިއައިސްފައި ހުރެ ޒުބޭދާ އައިސް ނަބީހާގެ ގާތުން ސޯފާގައި އިށީނެވެ. އެއްޗެއް ބުނުމުގެ ކުރިން ފުރަތަމަ ވެސް އޭނާ ކުރިމަތީ ހުރި މޭޒުގެ މަތިން ދުފާތަބައްނަގާ ރަނގަޅަށް ދުފާލިއެވެ. އަދި ދެއިނގިލި ކުރިން ކަރަންފުލެއް ހިފަހައްޓައިލައިގެން އިނދެ ވާހަކަފެށިއެވެ.

“އޭތް! މަގޭ ސިމާކު އެބައޮތް މަށަށް ވަރަށް ރީތި ހެދުމެއް ފޮނުވާފައި، ވަރަށް އަގުބޮޑުވާނެ ހެން ހީވަނީ…. ޓީވީއިން މިފެންނަ ޑްރާމާކުޅޭ ކުދިން ލާކަހަލަ ހެދުމެއްހެން ހީވަނީ” ފުރަތަމަ ވެސް ޒުބޭދާ ފޮނިކަނޑާލިއެވެ.

“އެހެންތަ، މަށަށް ހީވަނީ ތިވާނީ ސިމާކު، ސިމާނާއަށް ފޮނުވި ހެދުމަކަށްހެން، އަހަރުމެން އުމުރުގެ މީހުން އެކަހަލަ ހެދުމެއް ނުލާނެކަން އެނގެއެންނު” ނަބީހާގެ ވާހަކަ ޒުބޭދާއަކަށް ކަމަކު ނުދިޔައެވެ.

“ކޮބާތަ މިގޭ ހަގުސޮރު، ނޫޅޭތަ ގެއަކު” ޒުބޭދާ މުޅިން އެހެން ވާހަކައެއް ފެށިއެވެ.

“މިވަގުތުނެތް، ކިހިނެއްވީ؟ ތިގެއަށް ކަމަކު ފޮނުވާދޭންވީތަ” ނަބީހާ އަހާލިއެވެ. އޭނާއަށް ޒުބޭދާ އެއުޅެނީ ނުބައި ޚަބަރެއް ދޭންށޭ ހިތަށް އެރިއެވެ.

“މިހާރު ކިހިނެއްތަ އެސޮރު އެ އުޅެނީ، ހާދަ ފާޑެއްގެ ކުދިންތަކަކާއެކުއޭ ދޯ އުޅެނީ، ހީވަނީ ވަރަށް ވިޔާނުދާ ކުދިބައެއްހެން، ޕާކުތެރޭ ގިނަވެފައި ތިބެ އެހެންދާ އަންހެން ކުދިންނާ ފޮށެއޭ ވެސް ކިޔާ…” ޒުބޭދާ ނޭނގޭކަމަށް ހެދި އިނދެ ބުނެލިއެވެ.

“ޒުބޭދާއަށް ފެނުނީތަ؟ އަކްމަލް ހުރިތަ؟” ނަބީހާ ޔަޤީންކޮށްލިއެވެ.

“އާނ! އެކުދިންތަކާއިއެކު އަކްމަލް ހުއްޓާ އަހަންނަށް ވަރަށް ގިނައިން ދިމާވޭ، ސިމާނާއަށް ވެސް އަކްމަލް އެގޮތަށް ފެންނާތީ އެވާހަކަ އައިސް އަހަރެން ގާތު ބުނި، ނަބީހާ… އަކްމަލްއަށް އެހާ ބޮޑު ބަދަލެއް އައިސްގެން އެއުޅެނީ ކީއްވެތަ؟ ކިހާ ރަނގަޅު ކުއްޖެއް އެއީ، ކުއްލިއަކަށް އޭނާގެ ފަރާތުން މި ފެންނަ ކަންތައްތައް ޤަބޫލުކުރަން ވެސް އަހަންނަށް ފުރަތަމަ ދަތިވި، އަސްލު އަހަރެން ވެސް ވަރަށް ދެރަވެ ކަންބޮޑުވި އަކްމަލް ކަހަލަ ކުއްޖަކަށް އެހާ ބޮޑު ބަދަލުތަކެއް އައީމަ، އަހަރުމެންނަކީ މިހާރު އަވަށްޓެރިންނަށްވުރެ ގާތްމީހުން، އެކަކު އަނެކަކު ދިރިއުޅުން ހުރި ގޮތް އެނގޭމީހުން، އަނެއްކާ އަހަރެންގެ ސިމާކު އާއި އަކްމަލްއަކީ އެއްއުމުރުގެ ދެކުދިން، އެކުގައި ދެކުދިން ބޮޑުވީ އަހަރެންގެ ލޯ ކުރިމަތީގަ… އެހެންވީމަ އެކުއްޖާގެ މައްޗަށް އަހަރެންގެ ހިތް ވެސް ހަމްދަރުދީވަނީ” ޒުބޭދާގެ އަޑުގައި ކުރިން ހުރި ބޮޑާކަމެއް މިހާރަކު ނެތެވެ.

“ތެދަށް ބުނަންޏާ އަހަރެން ވެސް ކަންބޮޑުވޭ އަކްމަލްއާމެދު، އަހަންނަކަށް ވެސް ނޭނގޭ އޭނާ އެހެން އުޅެން ޚިޔާރުކުރީ ކީއްވެކަމެއް، ބަންދުކުރިފަހުން އައިސްގެން އުޅޭ ބަދަލެއް އެއީ، އަކްމަލްއަކީ ދުވަހަކު ވެސް މަސްތުވާތަކެތި ބޭނުންކުރި ކުއްޖެކޭ އަހަރެންގެ ހިތެއްނުބުނޭ، އެކަމަކު އޭނާ ހައްޔަރުކުރެވުނީ އެކަމުގައި، އަދިވެސް އެކަމުގެ ހަޤީޤަތްވަނީ ނޭނގިފައި، ދޮގެކޭ ބުނަން ވެސް ބޭނުން އެކަމަކު ފުލުހުންވަނީ އޭނާގެ ކޮޓަރި ފާސްކުރިއިރު މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓުތަކެއް ވެސް ނަގާފައި، އަހަރެންގެ ބޯގޮވާވަރުވެއްޖެ، ދެރަކަމެއް މީ، ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅު ރަނގަޅުކުރަން ހަދާނެގޮތެއް ވެސް އަހަންނަކަށް ނުވިސްނޭ، މިހާރު އޭނާ ގޭގައި ބަންދުކޮށްގެން އަހަރެން ކިހިނެއް ގެންގުޅޭނީ….” ނަބީހާ ދެރަވެފައި ވާހަކަދެއްކިއިރު އޭނާ ސުހާނާގެ އަތެއް އެކަމުގައި ވާކަން ސިއްރުކުރިއެވެ.

“އަޅެ އޭނައަށް ނަޞޭޙަތްދީބަލަ، ކައިރީގައި ބައިންދައިގެން އޭނާއާ ވާހަކަދައްކަން އަހަންނަށް ފެންނަނީ، ބޮޑެތިވެގެން މީހުނާ އިނަސް ދަރިންވާނީ ހަމަ ދަރިންނަށްތާ…” ޒުބޭދާ މިހެން ބުނުމުން ނަބީހާ އޭނާއަށް ބަލާލިއެވެ. ބައެއްފަހަރު ފޮނިކެނޑުމާއި އޭނާގެ ބޮޑާކަން ދެއްކި ނަމަވެސް ޒުބޭދާއަކީ ވެސް ރަނގަޅު މަޔެއްކަން ނަބީހާ ޤަބޫލުކުރިއެވެ.

* * * *

ޝަފްޤާ ބިރުން ހަޅޭލަވައިގަތުމާއިއެކު ލޫނާ އާއި ޒަހުރާ ވެސް ދުވެފައި އަޑުއައި ދިމާލަށް އައެވެ. ލޫތު ފެނުމާއިއެކު އެންމެންގެ މޫނުމަތިން ވެސް ހާސްކަން ފެނިގެން ދިޔައެވެ. ޒަހުރާ ތުވާލިކޮޅެއް ފިނިފެނުން ތެތްމާލައިގެން ގެނެސް ޝަފްޤާ އަތަށް ދިނެވެ. އެއާއެކު ޝަފްޤާ އޭގެން ލޫތުގެ ނިތްކުރިއާ ދިމާލުގައި ޖައްސާ އޮއްބާލިއެވެ.

“އަވަހަށް ހިނގާ ޑޮކްޓަރަށް ދަމާ، ކޮންތާކަށް ލޫތު ވަންނަން ހަދައިގެންތަ ތިބޮނޑިއެއް ލިބުނީ” ކަންބޮޑުވުމާއެކު ޝަފްޤާ ބުނެލިއެވެ.

“މަންމާ، ހާދަހާ ބައިވަރު ލެޔެކޭ އެފައިބަނީ… މި ގުޅަނީ ކާރަށް” ދެލޯ ބޮޑުކޮށްލައިގެން ލޫތަށް ބަލަހައްޓައިގެން ހުރި ލޫނާ ބުނެލިއެވެ.

ގިނައިރުތަކެއްނުވެ ހޮސްޕިޓަލުން ލޫތަށް އަވަސްފަރުވާ ދެވުނެވެ. އަދި އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ޑޮކްޓަރު ހާމަކުރެއްވިއެވެ. ލޫތުގެ ބޯ ފަޅައިގެން ގޮސްފައި ހުރީ ފުންކޮށްނޫންކަމުގައި ވިޔަސް ބޮޑުތަނެއް ވަނީ ކަފައިގެން ގޮސްފައެވެ. ބޮލަށް ބަރުވެ ބުރާންތިވާހެން ލޫތަށް ހީވީ ހޮސްޕިޓަލަށް ގެންދިޔަފަހުންނެވެ. އިރުކޮޅަކު އެތަނުގައި ބޭއްވުމަށްފަހު އޭނާ ގެއަށް ފޮނުވާލިއެވެ. ޝަފްޤާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވިއެއްކަމަކު އޭނާގެ މޫނުމަތިން ފެންނަނި ހިތްހަމަނުޖެހިފައި ހުރި ކުލަވަރުތަކެވެ.

“މަންމާ، ދެން މީ އެހާވަރުކަމެއް ނޫނޭ” ލޫތަށް ޝަފްޤާގެ މޫނުފެނުމުން ބުނެލިއެވެ.

“ކަލޭމެންނަށް ބޮޑުކަމަކަށްނުވާނެ، އަހަރެންގެ ހިތް ކިރިތާ ނުހުއްޓުނީ، ހާދަލެއެކޭ ތިތަނުން ފައިބާފައި އޮތީ… ކީއްކުރަން އުޅެގެންތަ ބޯފަޅައިގެން ދިޔައީ” ޝަފްޤާ ސުވާލުކުރިއެވެ.

“މާބޮޑުކަމެއް ކުރާކަށް ނޫޅެން، ކޮޓަރީގައި ހުރި ވާސްއަކާއެކު އަރިއަޅާލީ” ކާރުން ފައިބައިގެން ގެއަށް ވަން ލޫތު ދޮގު ހެދިއެވެ. އަދި މަޑުމަޑުން އޭނާގެ ބޮލުގައިވާ ބޭސްގަނޑުގައި އަތްޖައްސާލިއެވެ. އެވަގުތު އެ ތުންފަތުގައި މާނަ ފުން ލުއި ހިނިތުންވުމެއް ދުވެލިއެވެ.

ޒަހުރާ ހުރީ ތަޅުންމައްޗަށް އެޅުނު ހުރިހާ ލެއެއް ސާފުކޮށްފައެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލުތަކެއްވަނީ އުފެދިފައެވެ. ލޫތު އޭނާ ގޮވައިގެން ޒީވާގެ ކޮޓަރިއަށް ދިޔަ ދިއުމާއި ލޫތުގެ ބޯފަޅައިގެން ދިއުން ގުޅިފައިވަނީ ކޮންކަމަކާކަން ޒަހުރާ ވިސްނާލިއެވެ. އެކަކު ޔަޤީންކޮށް އެއްވެސް ގޮތަކަށް ނިންމާކަށް އޭނާއަކަށް ނޭނގުނެވެ. ހަވީރު އެންމެން ސައިބުއިމުން ބަދިގެ ފަރާތުން ތަށިތައް ނަގާފައި ޒަހުރާ އައިސް ޒީވާއަށް ގޮވިއެވެ. އެހެންނަމަވެސް އޭނާ ދޮރެއް ނުހުޅުވިއެވެ. އަނގައިންނެއް ވެސް ނުބުންޏެވެ. އެހެންވެ އެންމެ ފަހުން ދޮރުގައި ޓަކި ޖަހަޖަހާފައި އޭނާ އެނބުރި ދިޔައީއެވެ.

ކޮނޑަރީގައި ހުރި ގޮނޑީގައި އެއްފައި ތަޅުވާލަ ތަޅުވާލަ ޒީވާ އިންއިރު އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަނީ ހާސްވެފައި އިންކަމެވެ. އޭނާއަށް ޝަފްޤާ އާއި ލޫނާ އަޑުގަދަކޮށްލައިގެން އުޅުނު އަޑު އިވުނެވެ. ލޫތު އެމީހުން ގާތު ބުނާނީ ކީކޭ ކަމާއިމެދު ޒީވާ ވިސްނިއެވެ. އިރުއޮއްސުނު އިރު ވެސް ޒަހުރާ ނޫން މީހެއްގެ ހިލަމެއް އޭނާއަށް ނުވެއެވެ. އެހެންވެ ލޫތު އެއްވެސް ވާހަކައެއް ނުބުނާކަން ޒީވާއަށް ޔަޤީންވިއެވެ. ނަމަވެސް އޭނާގެ ބޭނުމަކީ ކޮބައިބާއޭ ޒީވާ ހިތަށްއެރިއެވެ. ލޫތު އެގޮތަށް އޭނާއާ ދިމާކުރުމަކީ އެކަމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމެއް ނޫންކަން ޒީވާގެ ޟަމީރު ވެސް އެއްބަސްވިއެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނާ އަށް ވިސްނެނީއެވެ. ޢާއިލާ މީހުންނާ ވާހަކަދެއްކި ނަމަވެސް ހިތުގައިވާ އެއްޗެއް އެމީހުންނާ ޚިއްޞާކުރުމަކީ ފަސޭހަކަމަކަށް މިހާރު ޒީވާއަކަށް ނުވެއެވެ. އަބަދުވެސް ހިތަށް އަރަނީ އެމީހުންނަށް ޒީވާ ވިސްނާގޮތް ކަމަކު ނުދާނެއޭ އެވެ. ވަގުތުތައް ވިސްނުމުގައި ހޭދަވެގެން ދިޔައެވެ. ޒީވާއަށް އެއްވެސް ކަމެއްގެ ފަހުމެއްވީ ބަނޑުން ރޫރޫއަޑު ގޮވާލުމުންނެވެ. އޭރު ބަނޑުހައިވެގެން ހާންތިވާވަރު އޭނާ ވެއްޖެއެވެ. ކޮޓަރިން ނުނިކުމެ އިނަކަސް ކާކަށް ނުލިބޭނެކަން ޒީވާއަށް އެނގެއެވެ. ދިރިހުރިހާ ހިނދަކު ނުކައެއް ނޫޅެވޭނެކަން ވެސް އެނގެއެވެ. ބަނޑުގައި ފިރުމާލާފައި ޒީވާ މަޑުމަޑުން ތެދުވިއެވެ. އަދި ސިއްރު ސިއްރުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ދެކޮޅު ބަލާލުމާއިއެކު ބޭރަށް ނިކުތެވެ.

ކާންހުރި އެއްޗެއް ބަލާލިއިރު ޒަހުރާ ހުރީ ކާމޭޒުމަތީ ޒީވާއަށް ވަކިން އެއްޗެހި ނަގައިދީފައެވެ. އެތަން ފެނުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އަވަސް އަރުވާލާފައި އަތްދޮވެލައިގެން އައިސް ކާންފެށިއެވެ. ދެފަހަރަކު އަނގަޔަށް ސުވާ ނުލެވެއެވެ. ޒީވާ ކޮށިއެރިއެވެ. އަރުތެރެ މާބޮޑަށް ހިކިފައި ހުރީމައެވެ. ފެންފޮދެއް ހޯދަން އޭނާ އުޅުނީ ދެނެވެ. ފެންފުޅީގައި ބައްދައިގަނެގެން ކަހަލަ ގޮތަކަށް އެއްއަތުން ފުޅީގެ މަތިގަނޑު ނަގާފައި މޭޒުމަތީ ހުރި ބިއްލޫރި ތަށްޓަށް ފެންއެޅިއެވެ. ބަނޑުހައިވެފައި ހުރިވަރުން އާންމުކޮށް ޒީވާ ކާވަރަށްވުރެ އިތުރަށް ވެސް އޭނާއަށް ކެވުނެވެ. ކައިނިމިގެން ތަށިނަގާފައި ވަރަށް ހަމަޖެހިލައިގެން ހުރެ ބަދިގެ ފަރާތުން ގޯތިތެރެއަށް ނިކުމެވެން ހުރި ދޮރާ ދިމާލަށް ޒީވާ ދިޔައެވެ. ރީތި ހަނދުވަރު ދީފައި އޮތް ރެއެއްކަމުން ގޯތިތެރޭގައި ހުރި ގަސްތަކުގެ ތެރެއިން ފުރޭނިންކަހަލަ ގޮތަކަށް މުޅި ހިސާބަށް ރިހިއަލި ފެތުރިފައި އޮތެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ޒީވާގެ ހިތާ ސިކުނޑިއަށް އައީ އަކްމަލްއެވެ. އޭނާ މިވަގުތު ކުރާނީ ކީއްބާއެވެ. ޒީވާ ފަދައިން އެރޭގެ ހަނދު ފެނޭތޯ އަކްމަލް ވެސް ނިކުމެ ހުންނާނެބާއެވެ. ނޫނީ ޒީވާގެ މަތިން އެއްވެސް ވަރަކަށް އަކްމަލް ވިސްނާނެ ބާއެވެ. ހައްތާވެސް މިއީ ޒީވާގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. އެތައްފަހަރަކު އަކްމަލްއަށް އޭނާ އަދިވެސް ކިހާ ލޯބިވާކަން އަންގަން ބޭނުންވެއެވެ. އަދި މިއެކަނިވެރިކަމުން ސަލާމަތްކޮށްގެން އޭނާ އަކްމަލްގެ ގާތަށް ގެންދިއުމަށް ބުނަން ޒީވާ ބޭނުމެވެ.

“އަހަންނާމެދުތަ ތިވިސްނަނީ؟” ކުއްލިއަކަށް ޒީވާގެ ފަހަތުން ލޫތުގެ އަޑުއިވުނެވެ. އެއާއެކު ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި ޒީވާ ސިހިފައި ފަސްއެނބުރި ބަލާލިއެވެ. އަދި ދެލޯ ބޮޑުކޮށްލެވުނީ އޭނާއާ ދެތިން ފިޔަވަޅު ދުރުގައި ހުރި ލޫތު ފެނުމުންނެވެ.

“އަހަންނާމެދުތަ ތިވިސްނަނީ؟ ހަމަގައިމުވެސް އަހަރެންގެ ސިކުނޑީގައި މިހާރު ވަނީ ހަމައެކަނި ޒީވާ…” ހިނިއައިސްފައި ހުރި ލޫތު ބުނެލިއެވެ.

“ޕްލީޒް، އިތުރަށް ކަންކަން ކޮމްޕްލިކޭޓް ކުރަން ނޫޅޭބަލަ، އަހަރެން ލޫތާ މެދު އެއްވެސް ވަރަކަށް ނުވިސްނަން، އަދި މިގޭގައި ވެސް ގިނަދުވަހަކު ހުންނާކަށް ނުވިސްނަން، އަހަންނަށް ރަނގަޅީ ލޫތު އަހަންނާމެދު ހަމައެކަނި ސްޓްރޭންޖަރއެއް ގޮތުގައި ދެކުން، އަހަރެން ދެނެގަންނަން މަސައްކަތްނުކުރުން” ރުޅި އަންނަން ބޭނުންވިޔަސް މިފަހަރު ޒީވާއަށް އެކަމެއް ނުވިއެވެ. ލޫތު އެއަށްވުރެ މާހުޝިޔާރުވާނޭކަން ޒީވާއަށް ވިސްނުނީއެވެ. އޭނާ އެއްވެސް ކަމަކާ ގަދަ ހަދާނަމަ ލޫތު ބޭނުންވާނީ އޭނާއަށް އެކަން ވެދާނެކަން އަންގާށެވެ. އެގޮތަށްވާކަށް ޒީވާ ބޭނުމެއްނޫނެވެ. ފަހަރެއްގައި ރީތިކޮށް ލޫތަށް ވިސްނާދެނިކޮށް އޭނާ ޤަބޫލުކޮށްފާނެއޭ ޒީވާގެ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ.

“ކީއްވެތަ ކޮމްޕްލިކޭޓް ވާންވީ، އަހަންނަކީ ފިރިހެނެއް، ތިއީ އަންހެނެއް… ދެން ބޭރުފުށުން ބަލާލީމަ އެނގޭ ތީ އަންހެނެއްކަން، އަނެއްކާ އަހަރުމެންނަށް ކްލޯސް ނުވެވޭހާ ފެމެލީ ގުޅުން ވެސް ކައިރިއެއްނޫން، ސޯ… ޒީވާގެ ހަޤީޤީ މައްސަލައަކީ ކޮބާތަ؟” ލޫތު ވަރަށް ފުންކޮށް ޒީވާއަށް ބަލާލާމުން ބުނެލިއެވެ.

“އަހަރެން ބޭނުންނުވަނީ ރިލޭޝަންޝިޕެއް ފަށަން” ޒީވާ މާޔޫސްވެފައި ހުރެ ބުނެލިއެވެ.

“މިހާރު ރިލޭޝަންޝިޕެއް ފަށަން ބޭނުންނުވިޔަސް އޯކޭ، އެކަމަކު ސްޓްރޭންޖާއެއް ގޮތަކަށް އަހަންނަށް ޒީވާ ނުދެކެވޭނެ، މިހާރު އަދި އަމުދުން…. ދުވަހަކުވެސް ނުފިލާނޭ ވަރުގެ ހަދިޔާއެއް އަންހެން ކުއްޖަކު ދިން އަހަންނަށް ދިން މީ ފުރަތަމަ ފަހަރު، ދެން ކިހިނެއް އޭނާ މަތިން ހަނދާންނައްތާލާނީ” ލޫތު އޭނާގެ ބޮލުގައި އަޅާފައިވާ ބޭސްގަނޑުގައި އަތްޖައްސާލިއެވެ.

“ސޮރީ… އެކަމަކު… އަހަރެން ޖެހީ ކީއްވެކަން ލޫތަށް އެނގޭނެ” ޒީވާ ބުނެލިއެވެ.

“އަހަރެން ޒީވާ ހިތުން ނުފިލާނޭވަރުގެ ހަދިޔާއެއް ދޭން ބޭނުން” ހިނިއައިސްފައި ހުރި ލޫތު މިހެން ބުނިއިރު އޭނާގެ ލޮލުން ފާޅުވަމުންދިޔައީ ލާނެތްކަމުގެ ވިދުމެވެ. ޒީވާ އެކަމާ ޖެހިލުންވިއެވެ.

“ދައްތައަށް ލޫތު ތިހެން އުޅޭކަން އެނގިއްޖެއްޔާ ވާނެގޮތާމެދު ވިސްނާލަބަލަ” ޒީވާ ބޭނުންވީ ޝަފްޤާގެ ޒީލަގަދަކަން ލޫތަށް ހަނދާންކޮށްދޭށެވެ.

“މަންމައަކަށް ނޭނގޭނެ އަހަރެން ބޭނުންވާގޮތެއް، ޒީވާ އެކަމާތަ ބިރުގަންނަނީ” ލޫތު އަހާލިއެވެ. ޒީވާ އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުން ހުރީ އޭނާ ދައްކާ އެއްވެސް ވާހަކައެއް ލޫތު އަޑުނާހާނެކަން އެނގޭތީއެވެ.

“އެހެންވީމަ އަހަންނަށް ބުނެވުނީ ހަމަ ތެދެއް ދޯ، ޒީވާ، އަހަރެންގެ މަންމަދެކެ ބިރުން ދޯ އަހަންނާ ވާހަކަނުދައްކަން ތިއުޅެނީ” ލޫތު، ޒީވާގެ ހިމޭންކަން މާނަކުރީ އޭނާއަށް ފެނުނުގޮތަށެވެ.

“އެހެނެއްނޫން… އަހަރެން… އަހަރެން… އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން” އެންމެފަހުން ސަލާމަތްވެވޭނޭ އިތުރުގޮތެއް ނެތުމުން ޒީވާ ބުނެލިއެވެ. އެހިނދު ލޫތަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައެވެ. ނަމަވެސް އެކަން ދިގުލައެއް ނުދިޔައެވެ. ލިބުނު ފުރުޞަތުގައި ޒީވާ އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތެވެ. އެވަގުތު ލޫތު އޭނާއަށް ގޮވާލިއެވެ.

“ޒީ.. އަހަންނަށް އެނގޭ ތީ ތެދެއްނޫންކަން، އަހަރެން ކައިރިން ސަލާމަތްވާން ޒީ ކޮންމެކަމެއް ވެސް ކޮށްފާނެކަން އަހަންނަށް އެނގޭ، އެކަމަކު އަހަންނަކީ އެހާ ފަސޭހައިން ދޫކޮށްލާނެ މީހެއްނޫން” ލޫތު މިހެން ބުނިއިރު ޒީވާ ހުރީ އޭނާއަށް ބަލާލަން ވެސް ބޭނުންނުވެ ފުރަގަސްދީގެނެވެ. ލޫތު ބުނިއެއްޗެއް ޒީވާއަށް ވަރަށް ސާފުކޮށް އިވިއްޖެއެވެ. އަދި އޭނާ އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެގޭގައި އިތުރަށް އެންމެ ދުވަހަކު މަޑުކުރުމަކީ ވެސް މިހާރު ޒީވާ ބޭނުންވާގޮތެއްނޫނެވެ. އަވަސް ހިނގުމުގައި އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. އަދި ބޮލުގައި ނިތްކުރީގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.

ޒީވާގެ މުޅި ރޭ ހޭދަވީ ފިކުރު ކުރުމާއި ވިސްނުމުގައެވެ. އޭނާ ރާވަމުން ދިޔައީ އެގެއިން ނިކުމެ ލޫތުގެ ކައިރިން ސަލާމަތްވާނެ ގޮތަކާމެދުއެވެ. ފަތިހު ފަތިހާ ތެދުވިއިރު ޒީވާގެ ހަށިގަނޑާއި ހަރަކާތްތަކުން އޭނާ ނުނިދާ ހުރިކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އޭނަ އަވަސްވެގަތީ އޭނާގެ ރޭވުމާ އެއްގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ. އެންމެން ސައިބޮއެގެން ދާނެހާ އިރުކޮށްފައި ޒީވާ އައީ ބަދިގެ ފަރާތަށެވެ. އެވަގުތު ސިޓިން ރޫމުގައި ހުރި ސޯފާތަކުން އެއްސޯފާގައި ޝަފްޤާއިންއިރު އަނެއް ސޯފާގައި ލޫތު އޮށޯވެލައިގެން އޮތެވެ. ޒީވާ ފެނުމާއެކު ލޫތު އޭނާއަށް ގޮވާލިއެވެ. އެއާއެކު ޝަފްޤާ އެ ދެމީހުންނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ލޫތު ހީވީ ގަސްދުގައި ޝަފްޤާއަށް ކަމެއް އަންގަން އުޅުނުހެނެވެ. އެކަން ޒީވާއަށް ވެސް ފާހަގަވިއެވެ. ނަމަވެސް އޭނާ މަޑުކުރުމެއްނެތި ބަދިގެ ފަރާތަށް ގޮސް ވަނެވެ. ޒީވާގެ ފަހަތުން ލޫތު ދިޔަތަން ޝަފްޤާ ބަލަންއިނެވެ.

އަތުގައި އޮތް ނޫސްމަޖައްލާ ކުރިމަތީ ހުރި މޭޒުމަތީ ބާއްވާލަމުން ޝަފްޤާ ސޯފާއިން ތެދުވިއެވެ. އަދި ބަދިގެއާވީ ފަރާތަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އޭނާ ދެޚިޔާލެއްގައި ހުރި ހެންނެވެ.

“އަނެއްކާ އަހަންނަށް ނޭނގި ކަމެއް ހިނގަނީބާ؟، މި ނޫނީ އަދި ނުދެކެން ލޫތު އާއި ޒީވާ ވާހަކަދައްކަނިކޮށް، އެކަމަކު ލޫތު އެ ގޮވާލީ ނުދަންނަ މީހަކަށް ގޮވާލާ ގޮތަކަށްނޫން…. މިކަން ނުބަލާ އެއްގޮތަކަށް ވެސް ހުރެގެން ނުވާނެ، އެހެންނޫނީ މާލަސްވެދާނެ… އަނެއްކާ މީ ޝީރީން އަހަރެންގެ ފަރާތުން ބަދަލު ހިފުމަށް ކުރާ ކަމެއްބާ، އަންހެން ދަރިފުޅު މިގެއަށް ފޮނުވައިގެން އަހަރެންގެ ފިރިހެން ދަރިފުޅުގެ ބޮލަށް ސަވާރުވާން މަސައްކަތް އެކުރަނީ…” ސިކުނޑި ތެރޭގައި އެނބުރެމުންދިޔަ ޚިޔާލުތަކުން އެއްފަހަރަށްވުރެ އަނެއްފަހަރު ޝަފްޤާގެ މޫނުގެ ކުލަވަރު ބަދަލުވަމުންދިޔައެވެ. ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ކުރިއަށް މަޑުމަޑުން އޭނާ އައެވެ. އަދި ބަދިގޭ ދޮރުކައިރީ މަޑުކޮށްލީ ސިއްރު ފާރަވެރިއެއް ފަދައިންނެވެ.

އަމިއްލަ ސައި ހަދައިގެން ކާމޭޒުދޮށުގައި ޒީވާ އިށީނެވެ. އޭނާގެ ހަމަހިމޭންކަން ބަދިގޭގައި އުޅުނު ޒަހުރާއަށް ފާހަގަވިއެވެ. ދޭތެރެއަކުން ޒަހުރާ ބުނެލާ އެއްޗަކަށް ވެސް ޒީވާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. އަނެއްކޮޅުން އެތާ އެތެރޭގައި ވާކަންކަން ބަލަން ޝަފްޤާ ހުރިކަމެއް އެއިން އެކަކަށް ވެސް ނޭނގެއެވެ. ޒީވާ އަވަސް އަވަސްކޮށްލައިގެން ބަދިގެއިން ނިކުމެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަންނަން ވާއިރަށް ޝަފްޤާ ހަލުވިކޮށް ގޮސް ކުރިން އިންހެން ސިޓީން ރޫމު ސޯފާގައި އިށީނެވެ. އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ޒީވާ ދިޔަގޮތަށް ދިޔައީއެވެ. ލޫތު ބަދިގެ ފަރާތުން ނުފެނުމުން ޝަފްޤާ އަވަސްވެގަތީ އޭނާ ކޮބާތޯ ބެލުމަށެވެ. ބަދިގެ ފަރާތުން ގޯތިތެރެއަށް ނިކުމެގެން ހުރި ދޮރުން ޝަފްޤާގެ ލޮލުގައި ލޫތު އަޅައިގަތެވެ. މަސްފެންގަނޑަށް ގުދުވެ އޮއްވައެވެ.

“ކީއްތަ ތިކުރަނީ؟” ޝަފްޤާ ނިކުމެ އަހާލިއެވެ.

“ފޮންޑު ފަހުން މިއޮތީ ބޮޑުކޮށްފަ ދޯ” ފެންގަނޑުގެ ތެރޭ ދުވެދުވެފައި އުޅޭ މަސްތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ލޫތު ބުނެލިއެވެ.

“ލޫތު، އެހާ ގިނަދުވަހު މިކޮޅުގައި ހުންނާކަށް މަންމައަކަށް ނުފެނޭ” ޝަފްޤާ މިހެންބުނުމާއެކު ލޫތަށް ވިސްނުނެވެ. އޭނާ ބޭނުންވީ ވެސް ޝަފްޤާގެ ސަމާލުކަން ހޯދާށެވެ. އެއްވެސް އެއްޗެއް ނުބުނެ އައިސް އުނދޯލީގައި ލޫތު އިށީނެވެ. އޭނާގެ ގާތުގައި ޝަފްޤާ އައިސް އިށީނެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒީވާ ފޯނުން ވާހަކަދައްކަމުން ދިޔައީ ޝީރީނާއެވެ. އެންމެ ފަހު އެދުމެއްގެ ގޮތުން އޭނާ އެދެމުންދިޔައީ އެގެއިން އޭނާ ގެއަށް ގެންގޮސްދިނުމަށެވެ. އެހެންނަމަވެސް ލަބީބު ހުރީ ޒީވާދެކެ ފޫހިވެފައެވެ. ގޭތެރޭގައި ޒީވާގެ ވާހަކަ ދެއްކުމަކީ ވެސް ލަބީބު ބޭނުންވާގޮތެއްނޫނެވެ. ވަގުތު ނެތިގެން ޝީރީން ފޯނު ކޯލު ނިންމާލީ ވެސް ޒީވާ ގާތު އަދި ކުޑަދުވަސްކޮޅަކަށް ކެތްކޮށްލުމަށް ބުނަމުންނެވެ. ނަމަވެސް ޒީވާއަށް ވިސްނޭގޮތުގައި އޭނާއަށް ކުޑަދުވަސްކޮޅަކު ވެސް ޝަފްޤާމެންގޭގައި މަޑުކޮށްލެވޭކަށްނެތެވެ. ވަގުތުން އައިސް އަލަމާރި ހުޅުވާލުމާއެކު ޝީރީން އޭނާއަށް ދީފައި ހުރި ފައިސާކޮޅު ގުނާލިއެވެ. އަދި ވިސްނުމުގެ ތެރެއަށް ގެއްލި ހުރެ އޭނާ އައިސް އެނދުގައި އިށީނެވެ.

“ޑެއިލީ ރެންޓަލްސް…..” މަޑުމަޑުން އަމިއްލަ ނަފުސަށް އިވޭވަރަށް ޒީވާ ބުނެލިއެވެ. ހަމައެއާއެކު ކަންބޮޑުވެފައި އިނދެ ތިރީތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ބޭނުންވާގޮތަށް ކަންކަން ނުވާނޭކަން ޒީވާއަށް އެނގެއެވެ. އަތުގައި ހުރި ފައިސާކޮޅު ހުސްވުމުން ދެން ހަދާނީ ކިހިނެއްބާއޭ ވެސް ޒީވާގެ ހިތަށް އަރައެވެ. މަގުމަތީ އޭނާ ސަލާންޖަހަންޖެހިދާނެއޭ ވެސް ޒީވާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއެކު ޒީވާއަށް އޭނާގެ މޫނުގައި ދެއަތްއަޅާ ދެފަރާތަށް ބޯހޫރާލައިފިއެވެ.

“ކޮންމެ މީހަކަށް ވެސް ގޮތެއް އޮންނާނެ، އަހަންނަށް ކީއްވެ ވަކި ގޮތްހުސްވާންވީ… އަކްމަލް ވެސް އަހަންނާ ވާހަކަދައްކާކަށް ބޭނުމެއްނޫން، އޭނާއަށް ނޭނގެނީބާ އަހަރެން އެކަނިވާނެވަރު، އެއްފަހަރު ވެސް އަހަރެންގެ ހާލުބަލާލިނަމަ… ލޯބިނުވަންޏާ ނުވެއޭ ވެސް ބުނިނަމަ… އެކަމަކު… އެކަމަކު…. ދެން ރަނގަޅުވާނީ އޭނާ މަތިން ހަނދާންނައްތާލިއްޔާ… ނޫން، ކީކޭތަ އަހަރެން މިކިޔަނީ… އަކްމަލް… އަކްމަލް ހޯދަން ދާންވީތަ؟ ނޫން، އޭރުން.. އޭރުން ކިހިނެއްވާނީ، އޭނާ އަހަރެން ބޭނުންނަމަ މިހާ ދުވަސްވާއިރު އަހަރެންގެ ހާލުބަލާނުލައެއް ނުހުންނާނެ… ހީ ޖަސްޓް މޫވް އޮން… ޑޭމްއިޓް… އަކްމަލް…” ކުޑަހިނދުކޮޅަކަށް ނަމަވެސް ޒީވާ ހަމައިން ނެއްޓުނު ކަހަލައެވެ. އޭނާ އެނދުމަތީ ހުރި ހުރިހާ ބާލީހަކާއި ކުށަންއެއް ކޮޓަރިތެރެއަށް އުކާލިއެވެ. އަދި އެތައްފަހަރަކު ގޮދަޑިމަތީ އަތުން ތަޅައިގަތެވެ. ހަމައެހާ އަވަހަށް ޒީވާ އެނދުން ތެދުވިއެވެ. އަދި ދެއަތުން ލޯފޮހެލުމާއެކު އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އޭނާ އިސްއުފުލާލިއެވެ. ހީވީ ދެން ދުވަހަކު ވެސް ނުރޯން އަމިއްލަ ނަފްސަށް ވަޢުދުވިހެނެވެ. އެވަގުތު އޭނާގެ ހިތުގައި އެތައް ނިންމުންތަކެއް ނިންމާލި ކަހަލައެވެ. މޫނުމަތިން ފާޅުވާ ހުރިހާ ޝޫޢޫރެއްހެން އޭނާ ފޮރުވާލީ ކިހިނެއްކަމެއް ނޭނގެއެވެ. އިހުސާސްތައް އެއްފަރާތްކޮށްލާ ދެމެދުގައި ފަރުދާއެއް ދަމާލީއެވެ. ފުރާނަ ހުރިހާ ހިނދަކު ދިރިހުންނަން މަސައްކަތް ކުރާ މީހަކު ފަދައިން ޒީވާގެ ޠަބީޢަތް ބަދަލުވެގެންދިޔައެވެ. ވިސްނުމާ ފިކުރުގައި އަމިއްލަ ނަފުސު ސަލާމަތްކުރުމުގެ އަޒުމު ވަރުގަދަވެގެންދިޔައެވެ. ހީވަނީ ދުނިޔެ އާއި ކުރިމަތިލާން އޭނާ ތައްޔާރުވެލިހެނެވެ. ދިމާވެދާނެ ހުރިހާ ހުރަސްތަކަކާ އެކަނިމާއެކަނި ކުރިމަތިލުމަށް ތައްޔާރުވެފައި ހުރި ފަދައެވެ.

ރޭގަނޑުގެ އަނދިރިކަން ވެރިވެ ދަންވަންދެން ޒީވާ މަޑުކުރިއެވެ. އަދި އޭނާގެ އެއްޗެއްހި އަޅާފައި ހުރި ފޮށި ހިފައިގެން ޝަފްޤާމެން ގެއިން އޭނާ ނިކުތެވެ. އޭރު ދޮރުމަތީ ޓެކްސީއެއް އޮތެވެ. އެއަށް އެރުމާއެކު ދުވަހު ކުއްޔަށްދޭ ތަނަކަށް އޭނާ ގެންގޮސްދިނުމަށް ޑްރައިވަރުގެ ގާތުން އެދުނެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތި ޑްރައިވަރު ޒީވާ ގެންގޮސް ބޭލުވީ އޭނާ ދުވަހަކުވެސް ނުދެކޭ ގެސްޓުހައުސްއެއްގެ ކުރިމައްޗަށެވެ.

“މިތަނުން އާންމުގޮތެއްގައި ކޮންމެ ވަގުތަކު ވެސް ކޮޓަރި ލިބޭ، މީހުން ބުނާގޮތުން ސެކިއުރިޓީ ވެސް ވަރަށް ރަނގަޅު، ވައްކަން ކުރުން ކަހަލަ ކަންކަން ވަރަށް ކުޑަ” ޑްރައިވަރަށް ފައިސާ ދިނުމާއެކު އޭނާ ޒީވާއަށް ބުނެލިއެވެ. ނަމަވެސް ޒީވާ އަޅައެއްނުލިއެވެ. އޭނާ ކާރުން ފައިބައިގެން އައިސް ޑިކީގައި އޮތް ފޮށި ޑްރައިވަރު ނަގައިދިނުމުގެ ކުރިން އޭނާ އަމިއްލައަށް ނެގިއެވެ. އަދި ފޮށި ދަމަމުން އައިސް ގެސްޓު ހައުސްތެރެއަށް ވަނެވެ.

ރިސެޕްޝަނުގައި ދިވެހި އަންހެން ކުއްޖާ އާއި ބިދޭސީ ފިރިހެނަކު އިނެވެ. ޒީވާ ފެނުމުން ފުރަތަމަ ވާހަކަދައްކަން ފެށީ ދިވެހި ކުއްޖާއެވެ. ގިނައިރެއްނުވެ ޒީވާއަށް އެތަނުން ކޮޓަރިއެއް ހަމަޖެހުނެވެ. އަދި ބިދޭސީ މީހާ ޒީވާ ގޮވައިގެން ގޮސް ކޮޓަރި ދައްކާ އޭނާގެ ފޮށި ކޮޓަރިއަށް ވައްދާދިނެވެ. އެތަނުން ކެއުން ބުއިމުގެ ކަންކަން ހަމަޖައްސައިދޭ ވާހަކަ ވެސް އެމީހާ ބުންޏެވެ. އެކަމަކު އެފަދަ ޚިދުމަތްތަކަށް އިތުރަށް އެމީހުން ލާރިނަގާ ވާހަކަ ވެސް ބުންޏެވެ. އޭނާ ދާން ނޭނގިފައި އިރުކޮޅަކު ޒީވާއަށް ބަލަހައްޓައިގެން ހުރީ އޭނާ ދައްކާ ވާހަކަ ޒީވާއަށް އަޑުއިވޭކަމާމެދު ޝައްކުވެފައި ހުރިހެންނެވެ. ޒީވާ އެމީހާއަށް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

ވަރުބަލިކަމެއް އިޙުސާސްނުވާ މީހަކު ފަދައިން ޒީވާ އެނދުގައި އިށީންގޮތަށް އިނީއެވެ. އެއްވެސް ކަމެއް ކުރާކަށް އޭނާ ނުވިސްނައެވެ. އަދިވެސް ހީވަނީ ކޮންމެވެސް ކަމަކާ އޭނާ ވިސްނަނީހެންނެވެ. ނިތްކުރިން ދާތިކި ހިލިފައި ހުއްޓެވެ. އެހެންނަމަވެސް ޒީވާގެ މޫނުމަތިން އެއްވެސް ކަމެއް ދެނެގަންނާކަށް ނޭނގެއެވެ. ވަގުތު ދިޔައީ ކިހިނެއްކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ. މަޑުމަޑުން އެއްފަރާތަށް ބޯއަނބުރާލީ ވެސް ކޮޓަރިތެރެއަށް ފަނޑުއަލިކަމެއްގެ އިޝާރާތެއްވާންފެށުމުންނެވެ. ދުނިޔެ މަތި އަލިވަނީއެވެ. އިރު އެރީއެވެ. ޒީވާ މަޑުމަޑުން ތެދުވެގެން އައިސް ފަރުދާ އެއްފަރާތްކޮށްލަމުން ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ. ހަލަބޮލި ސަރައްޚައްދެކެވެ. މީހުންތައް އައިސް ކުރިމަތީ ހުރި ކެފޭއަށް ވަންނަތަން ޒީވާއަށް ފެނެއެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލާފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހީވީ ހަމަޖެހިލެވުނީ އަދިކިރިޔާހެނެވެ. ކުޑަދޮރު ލައްޕާލުމާއިއެކު ފަރުދާ ދަމާލަމުން ކޮޓަރިތެރެ ނިވާކޮށްލިއެވެ. މަޑުހިނގުމުގައި އައި ގޮތަށް އައިސް އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. މެރިގެން ދިޔަ ލޮލާއެކު ޒީވާ ފުންމިންނޭނގޭ ހިމޭންކަމެއްގެ ތެރެއަށް ގެނބިގެންދިޔައެވެ.

ހެނދުނު ސައިބޯން ޒީވާ ނައުމުން ޒަހުރާ ހިތަށް އެރީ މިއަދަކީ ވެސް ޒީވާގެ މޫޑު ގޯސްވެފައި ހުރި ދުވަހަކީ ކަމަށެވެ. އޭނާއަށް ވެސް ޤަބޫލުކުރެވެނީ ލޫތު އާއި ޒީވާއާ ދެމެދު ގޮތްނޭނގޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގާކަމުގައެވެ. ލޫތުގެ ބޯފަޅައިގެން ދިއަ ދިއުމަކީ ޒަހުރާ ދުށްގޮތުގައި ލޫތު އަމިއްލައަށް ކުރިކަމެއް ނޫނެވެ. އަނެއްކާ ޒީވާ އާއި ދެމީހުންގެ ދެމެދުގައި ދެބަސްވުމެއް ހިނގީކަމާ މެދު ވެސް ޝައްކެވެ.

“ޒަހުރާ…” ލޫތާއި ޒީވާގެ ވިސްނުމުގައި ހުރި ޒަހުރާއަށް ލޫތު ގޮވާލި އަޑުއިވުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.

“ކިހިނެއްވީ؟ ކޮންކަމަކަށް ގެއްލިފައި ހުރީ؟” ޒަހުރާއަށް ވީގޮތުން ލޫތު އަހާލިއެވެ.

“ކަމަކަށް ނޫން، ކިހިނެއްވީ ގޮވާލީ؟ ކަމެއް ބޭނުންވީތަ؟” ޒަހުރާ އަހާލިއެވެ. ލޫތު އައިސް ކާމޭޒުގެ ގޮނޑިއެއްގައި ދެއަތް އަޅުވާލި ގޮތުން ވެސް އޭނާ އަހަން އެ އުޅެނީ ކީކޭކަން ޒަހުރާއަށް ވިސްނުނު ކަހަލައެވެ.

“ޒީ ނާދޭތަ؟ ކޮޓަރީގަތަ އަދިވެސް ވީ” ލޫތު މަޑުކޮށްލައިގެން ހުރެފައި އަހާލިއެވެ.

“މިއަދަކު އަދި ނުދެކެން” ޒަހުރާއަށް އެއްވެސް ކަމެއް އެނގޭކަމަށް ނަހަދާ ބުނެލިއެވެ. ލޫތު ވެސް އިތުރު އެއްޗެއް ނުބުނެ ބޭރަށް ނިކުތެވެ.

މެންދުރުފަސްވެގެން އައިރު ޒީވާގެ އެއްވެސް ޚަބަރެއް ނުވުމުން ލޫތަކަށް ނުހުރެވުނެވެ. އޭނާ ދަނޑިވަޅުބަލާފައި އެކަކަށް ވެސް ނޭނގޭނޭހެން އައިސް ޒީވާގެ ކޮޓަރީގެ ދޮރުހުޅުވާލަން ތަޅުގައި ހިފާލިއެވެ. އެއާއެކު އެއްވެސް އުނދަގުލެއްނެތި ދޮރު ހުޅުވިގެން ދިޔައެވެ. ވަގުތުން ލޫތު ހައިރާންވިއެވެ. ކޮޓަރިތެރެ ނުފެންނަނީސް ވެސް ލޫތަށް ކަމެއް ގޯސްވެއްޖެކަމުގައި ހީވިއެވެ. ކޮޓަރިތެރެއަށް ލޫތު ވަންއިރު އެތަނުގައި މީހަކު އުޅެފައި ހުރި ހެނެއް ހިޔެއްނުވެއެވެ. އެނދު ވެސް އޮތީ ރީތިކޮށް ތަންމަތި އަޅާފައެވެ. ރީތިވާ މޭޒުމަތީ ކުރިންހުރި ޒީވާގެ އެއްވެސް އެއްޗެއް ނެތެވެ. ވަށައިގެން ފެންނަނީ ފަޅުވެފައި ހުރި ކޮޓަރިއެއް ހެންނެވެ.

“މަންމާ! މަންމާ!…” ހައިރާންވެފައި ހުރެ ލޫތު އަވަސްވެގަތީ ޝަފްޤާ ހޯދުމަށެވެ. އޭނާއަށް ޒީވާ ފާހަގަވީ އެގޭގައި އަމިއްލައަށް ބަންދުވެގެން އުޅޭ މީހަކު ފަދައިންނެވެ. އަބަދުވެސް ޒީވާގެ ކޮޓަރި ހުންނަނީ ތަޅުލާފައެވެ. ކުއްލިއަކަށް ޒީވާ އެގެއިން ހިނގައިދާނެކަމަކަށް ލޫތު ޤަބޫލެއްނުކުރެއެވެ.

“ކޮންކަމަކާތަ ތިހާ ބާރަށް ތިގޮވަނީ” ޝަފްޤާއަށް ގޮވަމުން ޓެރެސްއަށް އެރި ލޫތަށް ބުނެލިއެވެ.

“މަންމާ… ޒީ… ބޭރަށް ދިޔައީތަ؟” ސީދާގޮތެއްގައި ޝަފްޤާގެ ގާތުން ޒީވާގެ ވާހަކައަހަންވުމުން ލޫތު ކުޑަކޮށް ޖެހިލުންވިއެވެ.

“ނޭނގެ، ލޫތު ކީއްކުރަން ޒީވާ ހޯދަނީ” ޝަފްޤާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އޭނާއަށް ޤަބޫލުކުރެވުނީ ލޫތާއި ޒީވާގެ ގުޅުން އޭނާއަށް އަތްނުފޯރާ ހިސާބަށް ދަނީކަމުގައެވެ.

“ކަމަކު ނޫން، މިއަދު ނުފެންނާތީ…” ލޫތަށް ހިތުގައި އޮތް އެއްޗެއް ހާމަކުރާކަށް ނުކެރުނެވެ.

“އޭނާ ދިޔަތަނަކުން އަންނާނެ، އެނގޭނެ އެހާ ލަސްވީމާ މިގެއަކަށް ނުވަދެވޭނެކަން، ޒީވާ އުޅޭގޮތް ލޫތަށް ބަލާކަށް ނުޖެހޭނެ، އެއީ އަހަރެން ކުރާނެކަމެއް، އަހަރެން އެހާ ހިތްހަމަޖެހޭކަމެއް ނޫން ލޫތު ތިކުރަނީ” ޓެރެސްގައި ހުރި ގަސްތަކަށް ފެންދެމުންދިޔަ ޝަފްޤާ ބުނެލިއެވެ. ލޫތަށް އޭނާގެ މަންމަގެ ހިތް އޮތް ގޮތް ވަނީ ޒީވާގެ ފަރާތުން އެނގިފައެވެ. ޒީވާ، ޝަފްޤާދެކެ ޖެހިލުންވާވަރު ފެނިފައެވެ. އެހެންވީމަ ޝަފްޤާ ނުރުހޭކަމެއް ޒީވާ ނުކުރާނެކަން ވެސް ލޫތަށް އެނގެއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް ލޫތު އިތުރު ވާހަކައެއް ނުދައްކާ ޝަފްޤާގެ ކުރިމަތިން ދިޔައެވެ.

ޒީވާ ގޭގައި ނެތްކަން އެނގެނީ ލޫތަށެވެ. އެހެންމީހަކު އެކަމާ އަޅައެއްނުލައެވެ. ޝަފްޤާ ވެސް ހުރީ ޒީވާ ބޭރަށް ދިޔައީކަމަށް ހީކޮށްގެންނެވެ. އެނބުރި އައުމުން އޭނާއާ ވާހަކަދައްކަން ނިންމައިގެންނެވެ. އިރުއޮއްސުނު އިރު ވެސް ޒީވާގެ ހިލަމެއްނުވިއެވެ. ދުވަހަކުގެ ގިނަވަގުތު ލޫތު އޮތީ އުނދޯލީގައެވެ. ޒީވާ ގެއަށް ވަދެގެން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް އޮއްސުނު އިރާއިއެކު އިތުރަށް ލޫތު ހާސްވެއްޖެއެވެ.

“މަންމާ…. ޒީ ދިޔަތަނަކުން މިހާރު އަންނަންވެއްޖެއެއްނު، އެ ކޮޓަރީގައި ނެތޭ ޒީގެ އެއްވެސް އެއްޗެއް، އޭނާ މިގެއިން ދިޔައީތަ؟” ލޫތު ކަންބޮޑުވުމާއެކު ބުނެލިއެވެ. ޝަފްޤާ ވިސްނާލިއެވެ. އަދި ކޮޓަރިން ނިކުމެގެން އައިސް ޒީވާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ފަޅުކަން ފެނިފައި ޝަފްޤާއަށް ލޫތުގެ ވާހަކައަށް ސަމާލުކަން ދެވުނީ ދެނެވެ. ކުއްލިއަކަށް ޒީވާއާމެދު ވިސްނާލެވުނެވެ. އޭނާ އެގެއިން ދިޔައީބާއޭ ޚުދު ޝަފްޤާ އަމިއްލައަށް ވެސް ސުވާލުކޮށްލެވުނެވެ.

“އެ ކުއްޖާގަނޑު އަނެއްކާ ކޮންތާކަށްބާ އެ ދިޔައީ؟” ހާސްވެފައި ހުރިފަދަ ގޮތަކަށް ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރި ޝަފްޤާގެ ހިތަށް އެރިއެވެ. އޭނާ ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓައި އަނެއްކާ ވެސް ލޫތު ޝަފްޤާއާ ވާހަކަދެއްކިއެވެ.

“މަންމާ، ޒީ ބޭރަށް ދިޔަނަމަ އޭނާ ދާނީ ހުރިހާ އެއްޗެއް ހިފައިގެނެއްނޫންނެއްނު، އަހަންނަށް ހީވަނީ އޭނާ މިގެއިން ދިޔައީހެން، ޝީރީން ދައްތައަށް ގުޅަމާ، ޒީ ދިޔަޔަސް ދާނީ އެނބުރި ގެއަކައްނު” ލޫތު އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އެހެންނަމަވެސް ޝީރީނަށް އަދި އަންގާކަށް ޝަފްޤާ ބޭނުމެއްނުވެއެވެ. އޭނާއަށް ނޭނގި ޒީވާ އެގެއިން ނިކުމެގެން ހިނގައިދާނެ ކަމަކަށް ޝަފްޤާ ހިޔެއްނުކުރެއެވެ. އަނެއްކޮޅުން އޭނާ ހުރީ ލޫތު، ޒީވާއާ އެހާ ގާތްކޮށް އުޅޭތީ އެކަމާ ވެސް ހިތްހަމަނުޖެހިފައެވެ. އެވާހަކަ ޒީވާއާ ދައްކަން ވެސް ބޭނުންވެފައެވެ.

“ލޫތު، މީ ލޫތާއި ބެހޭ ކަމެއްނޫން، ޒީވާގެ އެއްވެސް ކަމަކާ ލޫތު އުޅޭކަށް މަންމަ ބޭނުމެއްނޫން، ޒީވާ އެދިޔަ ތަނަކުން އޭނާ އަދޭތޯ އަދި މަޑުކޮށްލާނީ، އެއަށްފަހު ކަންތައްކުރާނެ ގޮތެއް އެނގޭނީ އަހަންނަށް، މިނޫނަސް ލޫތު ކުރާނެ ބައިވަރު ކަންތައް ހުންނާނެ، އެހެންވީމަ ޒީވާ ވީ ކޮންތާކުތޯ ނުބަލާ ލޫތުގެ އަމިއްލަ ކަންތައްތައް ކުރަން މިތަނުން އިހަށް ދޭ” ދަރިފުޅުގެ ކުރިމަތީ ހާސްކަން ފޮރުވާލަމުން ޝަފްޤާ ބުނެލިއެވެ. ލޫތު އޭނާގެ މަންމައަށް ބަލަހައްޓައިގެން ހުރެފައި ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ޝަފްޤާ އަވަސް އަވަހަށް ކޮޓަރި ލައްޕާލާފައި އައީ ޒަހުރާ ގާތަށެވެ. އޭރު އޭނާ އުޅެނީ ކޮޓަރީގައެވެ.

“ޒަހުރާ… ޒީވާ ގޭގައި ނެތްކަން ކަލެއަށް އެނގޭތަ؟ އޭނާއަށް ކާން ނުގޮވަންތަ؟” ހަމަޖެހެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ޝަފްޤާގެ އަޑުގައި ހާސްކަން އެކުލެވިފައި ހުއްޓެވެ.

“އޭނާއަށް ގޮވަން ދިޔަޔަސް ގިނަ ފަހަރަށް ބުނާނީ ފަހުންނޭ ކާނީ، މިފަހަކަށް އައިސް އޭނާ ކާން އަންނަނީ ވެސް ބޭނުން ގަޑިއަކު، ހެނދުނު ސައިނުބޮއެ ހުރެފައި މެންދުރު ކާން ވެސް އެބަ ނިކުމޭ… އެކަހަލަ ގޮތަކަށް އޭނާގެ ކަންތައް ހުރީ، ކޮންމެ ދުވަހަކު އެ ކޮޓަރިއަށް ނުވަންނަނީ ވެސް އެހާ ބޮޑަށް ސާފުކުރަން ނުޖެހޭތީ، އެއީ ކޮންކަހަލަ ކުއްޖެއްކަމެއް ހަމަ ނޭނގުނު، އަބަދު ހީވާނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވައި އިންނަހެން، މީހުންނާ ވާހަކަދައްކާކަސް ވެސް ބޭނުމެއްނުވޭ…” ޒަހުރާގެ ވާހަކަ ޝަފްޤާ ހުއްޓުވިއެވެ.

“ހޫނ! ހޫނ!… ޒީވާއަކީ ކޮންކަހަލަ މީހެއްތޯ ބަލާކަށް ނޫން އަހަރެން ބޭނުންވީ، އޭނާ އެކޮޓަރިގަނޑަކު ނެތް، ހީވަނީ ނިކުމެގެން ދިޔައީހެން، ރޭގައި އޭނާ ދެކުނިންތަ؟ ކާން ނިކުތްތަ” ޝަފްޤާ އަހާލިއެވެ.

“މިދިޔަ ދެރެއަކު ވެސް ކާކަށް ނާދޭ އެހެންވެ އެއްޗެހި ހޫނުކޮށްފައި ވަކިން ކާއެއްޗެހި ނަގާފައި ދަނީ، ހެނދުނު ބަދިގެއަށް އަންނައިރު ހުންނަނީ ތަށިތައް ދޮވެފައި… ހީވަނީ ތަންކޮޅެއް ދަންކޮށްފައިހެން ޒީވާ ކަނީ… ރޭގައި ވެސް ކާންނެގިން، މިއަދު ހެނދުނު ހުރީ ހުރިހާ ތަށްޓެއް ވެސް ދޮވެފައި، އެހެންވެ އެހާވަރުން އަޅާނުލެވެނީ” ޝަފްޤާއަށް ބަލަންހުރި ޒަހުރާ ކުޑަކޮށް ކަންބޮޑުވެފައި ހުރެ ބުނެލިއެވެ.

“އެހެންވީރު ރޭ ދަންވަރުތަ އޭނާ އެ ދިޔަ ތަނަކަށް އެ ދިޔައީ… ނޫނީ ފަތިހު ފަތިހާތަ؟” ޝަފްޤާ އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ. ޝީރީނަށް ގުޅާފައި ޒީވާ އެ ގޭގައި ނެތް ޚަބަރު ދޭނެ ގޮތަކާއިމެދު ވިސްނަމުން ޝަފްޤާ މަޑުމަޑުން ޒަހުރާގެ ކޮޓަރިން ނިކުތެވެ. އަދި އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ.

“ޝީރީނަކަށް ނޯންނާނެ އަހަންނާ ދިމާލަށް އެއްޗެއް ބުނެވޭކަށް، ކުރިން ވެސް ޒީވާއަކީ ވިޔާނުދާ ކުއްޖެއް، އެހެންވެ އެގޭގައި ނުބެހެއްޓިގެން މިގެއަށް ގެނައީ، ނަސީބެއްކަންނޭނގެ އަހަރެންގެ ލޫތު އެ އަންހެންކުއްޖާގެ ކިބައިން ސަލާމަތްވިކަން… ނުގުޅާ ހުރުމަށްވުރެ ގުޅާފައި ބުނީމަ މިކަމުން މިންޖުވެވޭނީ ވެސް” ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝަފްޤާ ބުނެލިއެވެ. އަދި ފޯނު އޮތް ހިސާބެއް ހޯދާލަމުން ޝީރީނަށް ގުޅިއެވެ.

ޒީވާ އައިސް ރިސެޕްޝަނުގައި ހުއްޓިލަމުން ރޭގަނޑުގެ ކެއުމަށް ފައިސާދެއްކިއެވެ. އަދި ނުވައެއްޖަހާލާކަން ހާއިރަށް އޭނާގެ ކޮޓަރިއަށް ކާއެއްޗެހި ގެނެސްދިނުމަށް އެދުނެވެ. ދެން އޭނާ ނިކުތީ މަގުމައްޗަށެވެ. ހޭލެވުނު އިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ދެއިރުގެ ކެއުމަށް ފައިސާ ދައްކާފައި ކޮޓަރީގެ ކުއްޔަށް ފައިސާދައްކަންވީމާ މިވަގުތު ޒީވާގެ އަތުގައި ހުރި ވަރުން ނުފުދިދާނޭ އޭނާއަށް ހީވީއެވެ. އެހެންވެ ބޭނުންވީ ކައިރީގައި ހުރި ފިހާރައަކަށް ގޮސް ކޮންމެވެސް ވައްތަރެއްގެ ހިކި ކާނާއަކުން މިވަގުތަށް ފުއްދާލުމަށެވެ.

މަގުމައްޗަށް ނިކުމެ ދެކޮޅު ހޯދާލުމާއެކު ޒީވާ ކަނާތްފަރާތަށް ހިނގައިގަތެވެ. ފިހާރައެއް ފެންނަން ނެތީހެވެ. ނަސީބު ދިމާކުރި ގޮތުން ޖެހިގެން ވާތްފަރާތަށް ދެވެން އޮތް މަގުގައި ސުޕާރމާޓެއް ހުއްޓެވެ. އެތަށް ގޮސް އޭނާއަށް ކަމުދާ އެއްޗަކާއި ފެންފުޅިއެއް ގަނެގެން އެނބުރި ގެސްޓްހައުސްއަށް ވަނުމަށް އައެވެ. އައި މަގުމަތީގައި އޭނާގެ ކޮޓަރީގައި ހުރި ކުޑަދޮރުން ފެންނަން ހުރި ކެފޭ ލޮލުގައި އަޅައިގަތެވެ. އެތަނުގެ ބިއްލޫރިގަނޑުގައި “ކޭޝިއަރ”އެއް ބޭނުންވެގެން ޖަހާފައި އޮތްތަން ފެނުމުން ޒީވާ އަވަސް އަވަހަށް އެތަނުގައި ނަންބަރު ނެގިއެވެ. މިވަގުތު އޭނާއަށް ވަޒީފާއެއް ވަރަށް މުހިންމެވެ. ހަމައެއާއެކު މަތީ ލެވެލްގެ ވަޒީފާއަކަށް އޭނާއަށް ކުރިމަތިލުމަށްވުރެ އާދައިގެ ވަޒީފާއަކަށް ކުރިމަތިލުމުން ލިބޭލެއް ފަސޭހަވާނެކަން އެނގެއެވެ. ކުށުގެ ރިކޯޑެއް އޭނާގެ އެބައޮތެވެ. އެހެންވީމަ ރަނގަޅު މުސާރައެއްލިބޭވަރުގެ ވަޒީފާއަކަށް ކުރިމަތި ލިޔަސް އެތަންތަނުގެ ވެރިން އޭނާއަށް ވަޒީފާ ދޭން ފަސްޖެހޭނެކަން ޔަޤީނެވެ. ކަންވާނޭގޮތް އެނގިއެނގި ހުރެ އެވަރުގެ ލަދަކާ ކުރިމަތިލާކަށް ޒީވާ ބޭނުމެއްނޫނެވެ.

“އިރުކޮޅަކު ފޮނުވާލަ ދޭނަން އިނގޭ” ގެސްޓު ހައުސްއަށް ވަނދެގެން ދިޔަ ޒީވާއަށް ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ބުނެލިއެވެ. ޒީވާ ބޯޖަހާލާފައި އަނގައިން ނުބުނެ ދިޔަގޮތަށް ދިޔައީއެވެ.

ކެފޭގައި އޮތް ވަޒީފާގެ ފުރުޞަތަށް އެދި ގުޅަން އޮތް ނަންބަރު ފޯނު ގައި ޖަހާލާފައި ޑައިލްކޮށްލިއެވެ. އޭރު ގަޑިން އެފަދަ ކޯލެއް ކުރަން ލަސްވެއްޖެކަން ވެސް ޒީވާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ވިސްނީ އެގޮތަށް ނޫނެވެ. ފޯނުގެ އަނެއްކޮޅުން ފިރިހެނަކު “ހެލޯ…” ބުނިއަޑުއިވުނެވެ. އެއާއެކު ޒީވާ އަވަހަށް ވާހަކަދެއްކިއެވެ. އޭނާ ވަޒީފާގެ ބޭނުމުގައި ގުޅީކަން ހާމަކުރިއެވެ. އަދި ޢިއުލާނުގައި ގުޅާނޭ ގަޑިއެއްބުނެފައި ނެތީމާ މިފަދަ ވަގުތެއްގައި ގުޅީކަމުގައި ބުންޏެވެ. އެއާއެކު ދެން އިވުނީ އަނެއްކޮޅުން ވާހަކަދައްކާ މީހާ ހީނލިއަޑެވެ. އަދި އެމީހާގެ ނަން ބުނެލުމާއިއެކު ހެނދުނު ދިހައެއް ޖަހާއިރު ކެފޭއަށް އައުމަށް އޭނާ ބުންޏެވެ. ފޯނުކޯލު ނިންމާލިއިރު ޒީވާ އިނީ އިތުރަށް ހާސްވެފައެވެ. އޭނާއަށް އެ ވަޒީފާ ލިބޭނެކަމާމެދުއެވެ. އަތުގައި ދައްކާނޭ ސެޓްފިކެޓްތަކެއް ނެތީމައެވެ. ހުރިހާ ލިޔެކިޔުމެއްވީ ގޭގައެވެ. އެތަކެތި ބަލާ އޭނާ ދާނީ ކިހިނެއްކަމެއް ނުވިސްނެއެވެ. އެކަމާ ވިސްނަން އެތައް އިރަކު ޒީވާއަށް އިނދެވުނެވެ. އޭނާ ސިހުނީ ފޯނެއް އަންނަން ފެށުމުންނެވެ. ބަލާލިއިރު އޭނާއަށް ގުޅަނީ ޝީރީނެވެ. އެއާއެކު ޝީރީން އެގުޅަނީ ކީއްވެކަން ވެސް ޒީވާއަށް އެނގުނެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. ބުނާނެ އެއްޗެއް ނޭނގޭތީއެވެ.

“ބައްޕަ އަހަންނަށް މާފެއް ނުކުރާނެ…. އެނބުރި ގެއަކަށް ނުދެވޭނެ، ބޮޑުދައިތަމެންގެއަށް އަލުން ދާކަށް ބޭނުމެއްނޫން، ޕްލީޒް މަންމާ، އަހަންނަށް ތިވަރަށް ނުގުޅާ…. ދެން އެއްވެސް ތަނަކަށް އަހަރެން ދާކަށް ބޭނުމެއްނޫން، އަހަރެން އަމިއްލައަށް އުޅެވޭނެ، އަހަރެން ކޮންމެވެސް ގޮތެއް ހޯދާނަން… މަންމަމެންނަށް އިތުރު ބުރައަކަށް ދެން ނުވާނަން، އަކްމަލް ހޯދާކަށް ވެސް ނޫޅޭން، އޭނާ އަހަރެންދެކެ ލޯބިވަންޏާ އަހަރެން ހޯދަން އަންނާނެ، އެންމެ ފުރަތަމަ ދުވެހެކޭ އެއްފަދައިން…. އިތުރަށް އޭނާއާ މެދު ވިސްނާ އަހަރެންގެ ވަގުތުތައް ބޭކާރުކުރާކަށް ބޭނުމެއްނޫން، އަހަރެންގެ މައްޗަށް ގެއްލިފައިވާ އިތުރުބާރާއި ރީތި ނަން އަލުން ހޯދާނަން، މީހުން ބަލައިގަންނަ ފަދަ މަޤޫބޫލު މީހަކަށް އަހަރެން ވާނަން…. އަހަންނަށް ކޮންމެ ކަމަކާ ވެސް ކުރިމަތިލެވޭނެ، އިރާދަކުރެއްވިއްޔާ އަހަންނަށް ވާނެ… އެހާ ހިތްވަރު އެބަހުރި… އެހާ ހިތްވަރު އެބަހުރި…” އަމިއްލައަށް ވާހަކަދައްކަމުން ދިޔަ ޒީވާ އޭނާގެ އަތުގައި އޮތް ފޯނުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ.

“ޒީވާ…. ދަރިފުޅުތަ؟” ޝީރީނުގެ ކޯލުތަކަށް މެދުކެނޑުމެއްނައެވެ. ފަސްވަރަކަށް ފަހަރު ޝީރީނު ގުޅުމާއެކު ޒީވާ ފޯނު ނަގާ ކަންފަތުގައި ޖަހާލީ ޝީރީނާ ވާހަކަދައްކާށެވެ. ވަރުގަދަ އަޒުމަކާއެކު ވަކިގޮތެއް ނިންމައިގެން އިނދެއެވެ.

“މަންމާ! އަހަރެން ދެން ދޫކޮށްލާ…. ޢާއިލާއަށް އިތުރު ހިތްދަތިކަމެއް ދޭކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް މާފުކުރޭ…” މަޑުމަޑުން ޒީވާ ބުނެލިއެވެ. އެއާއެކު ޝީރީނުގެ އަޑު ބާރުވެގެން ދިޔައެވެ.

“ޒީވާ، ކޮންތާކު ތިހުރީ… ކީކޭތަ ތިކިޔަނީ، މަޔަކަށް އޭނާގެ ދަރިއަކު ދޫކޮށްލެވޭނެތަ…. އަހަންނަކީ އެކަހަލަ މީހެއްނޫން، ޒިވާ، ހަމަމިހާރު ބުނޭ ތިހުރީ ކޮންތާކުކަން، އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން، ބުނޭ ތިހުރި ތަނެއް” ޝީރީން ބުންޏެވެ.

“ބައްޕަ ބުނީ ކީކޭ؟ އެނބުރި ގެއަށް އަންނާށޭ ބުނިތަ؟ އަހަރެންވީ ކޮންތާކުކަން އެނގޭތަ؟” ޒީވާގެ ހިމޭންކަން އެކުލެވިފައިވި އަޑަށް ބަދަލެއް ނާދެއެވެ.

“މަންމައެންނު މި ވާހަކަދައްކަނީ، މަންމައޭ މިބުނަނީ ޒީވާ ހުރިތަނެއް ބުނާށޭ… މަންމަ ދާނަމޭ ޒީވާ ބަލާ، ވެގެން އުޅޭގޮތެއް ކިޔައިދީނީމަ އެހެން ގޮތެއް ވެސް ހަމަޖައްސައި ދީފާނަން” ޝީރީންގެ ވާހަކައިން ޒީވާއަށް ލަބީބުގެ ނިންމުން ބަދަލުނުވާކަން އެނގުނެވެ.

“ބައްޕަ އަދި ވެސް ޤަބޫލެއްނުކުރޭ އަހަންނަކީ ކުރީގެ ޒީވާކަމުގައި، މަންމާ! މިހާރު އަހަރެން ބޭނުމެއްނޫން ކުރީގެ ޒީވާއަށް ވާކަށް… ޒީވާ މިހާރު ބަދަލުވެއްޖެ، މަންމަ އަހަރެން ގެއަށް ގެންދަން ބޭނުންވަންޏާ ޖެހޭނީ ފުލުހުންނަށް އަންގަން، އެނޫން ގޮތަކުން ދެނެއް އަހަރެން ނުދާނަން…. އިރާދަކުރެއްވިއްޔާ ގޯސް މަގަކުން ވެސް ނުދާނަން، މަންމަ ދިން ނަސޭޙަތުގައި އަހަރެން ހިފަހައްޓާނަން….” ޒީވާގެ ވާހަކަ މެދުކަނޑާލިއެވެ. އޭނާގެ ހިތަށް އަސަރުތަކެއް ނުކުރަނީއެއްނޫނެވެ. މަންމަ އޭނާއާ ހެދި އުޅޭވަރު ނޭނގެނީއެއް ވެސް ނޫނެވެ. އަމިއްލަ ނިންމުމުގައި ހިފަހައްޓަން ބޭނުންވަނީއެވެ.

“ޒީވާ….” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝީރީންގެ އަޑު ފޯނުން ޒީވާއަށް އިވުނެވެ. އެއަޑުގައި އެކުލެވިފައިވި ލޯތްބާއި އޯގާތެރިކަން ޒީވާއަށް ޝީރީން ނުފެނުނުކަމުގައި ވިޔަސް އޭނާއަށް އިޙްސާސްވެގެންދިޔައެވެ. މަންމަގެ ގައިގާ ބައްދާލަމުން ރޯލަން ޒީވާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ.

“މަންމާ! އަހަންނަށް ދެން ގުޅިޔަސް ފޯނެއް ނުނަގާނަން…. އަހަންނަށް މާފުކުރާނެކަމަށް ހީކުރަން” ޒީވާގެ އެންމެ ފަހު ބަސްބުނުމާއެކު ފޯނު ކަނޑާލިއެވެ. ނަމަވެސް ޝީރީން އޭނާއަށް ގުޅިއެވެ. ޒީވާ ބުނިހެން އޭނާ ފޯނެއް ނުނެގިއެވެ. އޭނާ ޝީރީނުގެ ކޯލަށް ޖަވާބު ދިނީ ވަދާޢުގެ ސަލާމުކުރުމުގެ ގޮތުންނެވެ. އޭނާގެ ލޯބިވާ މަންމަގެ އަޑު އެންމެ ފަހުފަހަރަށް އަހާލަން ބޭނުންވެގެންނެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެނދުގެ ހުރަހަށް އޮށޯވެލައިގެން އޮތް ޒީވާއަށް ޚިޔާލެއް އައީ ލަމްޔާ ގުޅަން ފެށުމުންނެވެ. ދެތިން ފަހަރު ލަމްޔާ ގުޅުމުން ޒީވާ ފޯނު ނެގިއެވެ. އަދި ލަމްޔާ އެދުމުން އޭނާ ހުރި ތަނެއް ޒީވާ ނުބުންޏެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ މަތިން ވެސް ވަރަށް ހަނދާންވާނެ ކަމުގައި ޒީވާ ބުނެ، ހަގަށްތިބި ދެކޮއްކޮގެ އަޑުއަހާލަން އޭނާ ބޭނުންކަމަށް ލަމްޔާ ގާތު އެދުނެވެ. ލަމްޔާގެ ފަރާތުން ޒީވާއަށް އެ ފުރުޞަތު ލިބުނެވެ. އެކަމަކު ޒީވާ އެ ފުރުޞަތު ބޭނުން ހިފީ އޭނާގެ އަމިއްލަ އެދުމެއް ފުއްދުމުގައެވެ. ރީމް ގާތު ޒީވާގެ ކޮޓަރީގައި ހުރި ސެޓްފިކެޓްތައް ލާފައި އޮތް އެކަކަށް ނޭނގޭނޭހެން ނެގުމަށް އެދުނެވެ. އަދި ސިއްރުން އެ ފައިލު ޒީވާއަށް ހަވާލުކުރާނޭ ގޮތް ވެސް ރީމްއަށް ޒީވާ ބުނެދިނެވެ. އެކަން އެ ދެމީހުންގެ މެދުގައި ސިއްރުކޮށްދިނުމަށް ވެސް ޒީވާ އެދުނެވެ. އެކަމާ ރީމް އެއްބަސްވިއެވެ. ރީމް އާއި ރުވާ ވެސް ތިބީ ޒީވާ އެނބުރި ގެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޒީވާއާ ހެދި ބައްޕަ ނުރުހިފައި މަންމައާ ވާހަކަދައްކާކަން ރީމްމެންގެ ފަރާތުން ޒީވާއަށް އެނގުނެވެ. އެކުދިން ވާހަކަދައްކާފައި ލަމްޔާއަށް ފޯނު ދިނުމުން ދެން ވެސް ލަމްޔާ އެދުނީ ޒީވާ ހުރިތަނެއް ބުނުމަށެވެ. އަދި ވެގެން އުޅޭ ގޮތެއް ކިޔައިދިނުމަށެވެ. ޒީވާ އެންމެފަހުން ލަމްޔާ ގާތު ވެސް ބުނީ ޝީރީން ގާތު ބުނި ފަދައިންނެވެ. އޭނާއަށް ދެން ނުގުޅުމަށެވެ. ގުޅިޔަސް ފޯނު ނުނަގާނަންކަމަށެވެ. ލަމްޔާގެ ކޯލު ކަނޑާލީ ވެސް ޒީވާ އަމިއްލައަށެވެ. އިތުރަށް ވާހަކަދައްކަން ބޭނުންނުވާތީއެވެ. އޭނާގެ ޚިޔާލު ބަދަލުވެދާނޭތީއެވެ.

ރޭގަނޑު އެގާރަ ޖަހާލާކަން ހާއިރު ގޭތެރެ މުޅިން ފަޅުވެފައި ވެއެވެ. ނިދަން ކޮޓަރިއަށް ވަދެ އޮތް ރީމް އާއި ރުވާ އެނދުމަތީ ހޭލާތިއްބެވެ. ރީމްގެ ބާލީސް ދަށުގައި ޒީވާ އެދުނު ފައިލު އޮތެވެ. ރީމް ކޮޓަރިން ނިކުމެ ދެކޮޅު ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ޝީރީން އޮތީ ފިކުރު ބޮޑެވެފައި އޭނާގެ ކޮޓަރީގައެވެ. ލަބީބުވީ ބޭރުގައެވެ. ލަމްޔާ އޮތީ އޭނާގެ ކޮޓަރީގައެވެ. ރީމްގެ ފަހަތުން ރުވާ ފައިލު ހިފައިގެން ނިކުތެވެ. ދެބެން ވެގެން ސިޓިން ރޫމުގައި ހުރި ގަޑިއަށް ބަލާލާފައި ދޮރޯށްޓަށް ބަލާލިއެވެ. ސިޓިން ރޫމުން ބޭރަށް ނިކުންނާކަށް އެކުދިންނަކަށް ނުކެރުނެވެ. އެހެންތިއްބާ މީހަކު ވަރަށް މަޑުމަޑުން ދޮރޯށި ހުޅުވާލިއެވެ.

ދޮރޯށްޓަށް ބަލަހައްޓައިގެން ތިބި ރީމް އާއި ރުވާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދެބެން ދެބެންނަށް އަތުގައި ހިފައި ގާތްވެލިއެވެ. އެއާއެކު މަދު ސިކުންތިކޮޅެއްގެ ތެރޭގައި އެދެބެންނަށް ސިޓިން ރޫމު ދޮރުމަތީ ހުއްޓުނު ޒީވާ ފެނުނެވެ. ފުރަތަމަ ހަދާނެގޮތެއް ނޭނގިފައި ބަސްހުއްޓިފައި ދެބެންނަށް ވެސް ތިބެވުނީއެވެ.

“ރީމް… ރުވާ… ފައިލް….” ވައި އަޑުން ޒީވާ ބުނެލިއެވެ. އެހިނދު ރީމް އާއި ރުވާ އައިގޮތަށް އައިސް ޒީވާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ކޮއްކޮމެންނާ ދުރަށް ދާން ބޭނުންވިއެއްކަމަކު ޒީވާއަށް އެގޮތަށް ކަންތައްކުރާކަށް ނުކެރުނެވެ.

“ތުއްތާ ޕްލީޒް، ކަމް ހޯމް… ވީ މިސްޑް ޔޫ ސޯ މަޗް…” ކަރުނުން ފުރިގެންދިޔަ ދެލޮލުން ޒީވާއަށް ބަލާލަމުން ރީމް ބުނެލިއެވެ. އޭރު ރުވާ ހުރީ ޒީވާގެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ދެން ނުދެވޭނެއޭ ބުނާކަހަލައެވެ. ލޯތްބާއެކު ރީމް އާއި ރުވާއަށް ޒީވާ ބަލާލިއެވެ. އަދި ދެކުދިންގެ ނިތްކުރީގައި ވަކިވަކިން ބޮސްދީފައި ރުވާގެ އަތުގައި އޮތް ފައިލު ނެގިއެވެ.

“ތުއްތަ ވެސް ވަރަށް ހަނދާންވޭ ތިދެކުދިން މަތިން، އެކަމަކު…. ބައްޕަ… ބައްޕަ އޮތީ މަނާކޮށްފައި ތުއްތަ މިގެއަށް އައުން، ސޯ ޕްލީޒް… ތުއްތަ އައި ވާހަކަ އެކަކު ގާތު ވެސް ނުބުނާތި… މީ ސީކްރެޓެއް އިނގޭ، އިރާދަކުރެއްވިއްޔާ އަދި އެނބުރި އަންނާނަން….. ދެން ދޭ އަވަހަށް ކޮޓަރިއަށް” ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރަމުން ޒީވާ ވާހަކަދެއްކިއެވެ. ފަހު ފަހަރަށް ބަލާލާ ފަދަ ގޮތަކަށް ރީމް އާއި ރުވާ، ޒީވާއަށް ބަލާލާފައި ދެކުދިން އަތުގައި ހިފައިލައިގެން އެތެރެއަށް ހިނގައިގަތެވެ.

“ތެންކިޔު…. އައެމް ސޮރީ…” ގެއިން ނިކުންނަން އަމިއްލަ ޟަމީރަށް މަޖުބޫރުކުރަމުން ދިޔަ ޒީވާ އޭނާގެ ކޮއްކޮމެންނަށް ބުނެލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ފިޔަވަޅަށްކަށްފަހު ފިޔަވަޅެއް އަޅަމުން އަމިއްލަ ގެއިން ނިކުތެވެ.

މަގުމައްޗަށް ނިކުމެ އިސްއުފުލާލަމުން އޭނާ ހިނގައިގަތެވެ. ހަމައެއާއިއެކު ނިކަން އަވަހަށް އަތުން ދެލޯ ފޮހެލިއެވެ. އޭނާގެ ލޮލުން ވެސް ކަރުނު އައީއެވެ. ޢާއިލާ އާއި ވަކިން އުޅޭކަށް އޭނާ ހަޤީޤަތުގައި ބޭނުމެއްނޫނެވެ. އެހެނަސް މިއަދު އޭނާއަށް މިނޫންގޮތެއް ނެތެވެ. ހިނގަމުން ހިނގަމުން ގެއާއި ދުރަށް ދިޔަވަރަކަށް ޒީވާގެ ވިސްނުމުގައި އެނބުރެމުންދިޔައީ އޭނާގެ ކުރިމަގު ބައްޓަންކުރާނެ ގޮތަކާމެދުއެވެ.

* * * * *

“އައްސަލާމް އަލައިކުމް… އެބަހުރި އިންޓަރވިއުއަށް ކުއްޖަކު އައިސް” ޖީލާން އައިސް އާމިރުގެ އޮފީހުގައި ޓަކި ޖަހާލަމުން ބުނެލިއެވެ.

“ތިރީ ކެފޭގެ ކޭޝިއަރއަށް އައި ކުއްޖާކަންނޭނގެ…. ފޮނުވާ އެތެރެއަށް” އާމިރު އޭނާގެ އޮފީހުގެ އިދާރީ މަސައްކަތްތައް ކުރަން ހަވާލުކޮށްފައި ހުންނަ ޖީލާންގެ ގާތުގައި ބުނެލިއެވެ.

“ތީ ޒީ… ޒީވާ ދޯ…” މޭޒުމަތީ ހުރި ގަނޑުތައް އެއްފަރާތްކޮށްލަމުން ރީދޫކުލައިގެ ކަރުދާސްކޮޅެއް ނަގައި އެއަށް ބަލާލަމުން އާމިރު ޔަޤީންކޮށްލިއެވެ. އެއާއެކު ކުރިމަތީ ހުރި އަންހެން ކުއްޖާއަށް އާމިރަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. އޭނާގެ މޭޒުގެ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކޮށް އިށީނުމަށް ބުނެފައި އިރުކޮޅަކު އަނގައި ނުބުނެ ވިސްނަން އިނެވެ.

“ކޭޝިއަރެއް ބޭނުންވެގެން މިއުޅެނީ ތިރީގައި ހިންގާ ކެފޭއަށް، އެތަނަކު ހުރިހާ ވަގުތެއްގައި ވެސް ވަރަށް ބާރުބޮޑުތަނެއް، ތަފާތު ވައްތަރުގެ މީހުން ވަދެ ނިކުމެވާނެ….” އާމިރު ވާހަކަދެއްކީ ޒީވާއަށް ކަމެއް އޮޅުން ފިލުވައިދޭން އުޅޭހެނެވެ. އަސްލު އާމިރަށް ވެސް ޒީވާ ފެނިފައި ޤަބޫލުކުރަން ދަތިވީ އޭނާއަށް އެ ފަދަ މާޙައުލެއްގައި ވަޒީފާ އަދާކުރެވިދާނެކަމެވެ. އޭނާއަށް ޒީވާގެ ގައިގާ ޖެހީ ވަރަށް ލަދުވެތި މަޑުމައިތިރި ކުއްޖެއްގެ ސިފައެވެ. އެހެންވީމަ ކަންކަމަށް އެހާ ކެރޭނެއެކޭ އާމިރުގެ ހިތެއް ނުބުންޏެވެ.

“ކެފޭގައި މަސައްކަތްކުރަން ޖެހުނަސް މައްސަލައެއްނެތް، އަޅުގަނޑަށް އެކަންވާނޭތީވެ ކުރިމަތިލީ، މިއޮތީ އަޅުގަނޑުގެ ސެޓްފިކެޓް” ޒީވާ އިނީ ކޮންމެހެން ވެސް ވަޒީފާއެއް ބޭނުންވެފައެވެ. އެހެންވެ އޭނާގެ ޤާބިލުކަން އާމިރަށް އަންގައިދޭން އޭނާ ކޮންމެ ގޮތަކުން ވެސް ބޭނުންވެއެވެ.

ޒީވާގެ ސީވީއަށް ބަލާލުމަށްފަހު އޭނާ ގެނައި ސެޓްފިކެޓްތަކަށް އާމިރު ބަލާލިއެވެ. ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއްކަން އެ ލިޔުންތައް ހެކިދެއެވެ. ދެން ވެސް އާމިރު ބަލާލީ ޒީވާއަށެވެ. އެ އަންހެން ކުއްޖާގެ ލޮލުން ފެނިގެންދިޔައީ ކަމަކަށް ބޭނުންވެފައި އިންވަރެވެ. ކެތްތެރިކަން ކުޑަވެފައި އިންވަރެވެ. އެވަރުން އާމިރަށް ފުދުނެވެ. އިތުރު ސުވާލުތަކެއް އޭނާ ކުރަން ބޭނުންނުވީ މަޤާމުގެ ޝަރުތުތަކަށް މާބޮޑަށް ވެސް ޒީވާ ފުދޭތީއެވެ. އަނެއްކޮޅުން އެ ވަޒީފާ އެހާ ފަސޭހައިން ޒީވާ ދޫކޮށްލާފައި ނުދާނޭކަން އާމިރަށް އެނގޭތީއެވެ. އަހަރު ނިމުނުއިރު އޭނާ އެތަނަށް މިހާރު ހަތަރު ކޭޝިއަރުން ލައިފިއެވެ. އެކަކު ވެސް ހަރުލާގޮތެއް ނުވެއެވެ. ބޮޑަށް ބޭނުންވަނީ އަންހެންކުއްޖަކު ބަހައްޓާށެވެ. އެކަން ވެސް އޭނާއަށް ވާގޮތެއް ނުވިއެވެ. އެހެންވީމަ ޒީވާ ވަޒީފާއަށް އައުންވާނީ އޭނާގެ ވިޔަފާރިއަށް ލިބޭ ކުރިއެރުމަކަށެވެ.

“ޒީވާއަށް މިކަން ވަންޏާ އަހަރެން މިހިރީ ޒީވާއަށް މި ވަޒީފާ ދޭގޮތަށް….. ބުނެބަލަ… ގިނަބައެއްގެ ތެރޭގައި މަސައްކަތްކުރަން ކެރޭނެތަ” އާމިރު އަހާލިއެވެ.

“ވަޒީފާ ބޭނުންވެގެން އައިސް މިއިނީ، ވީއިރު އަޅުގަނޑު ފަސްޖެހޭކަށް ބޭނުމެއްނޫން، އިރާދަކުރެއްވިއްޔާ ވީ އެންމެ ރަނގަޅަކަށް އަޅުގަނޑުގެ ވަޒީފާ އަދާކުރެވޭތޯ ބަލާނަން” އުންމީދުން ފުރިގެންވި ފަދަ ގޮތަކަށް ޒީވާ، އާމިރަށް ބަލަން އިނދެ ބުނެލިއެވެ. އެވަގުތު އެ ލޮލުން އިތުރު ދިރުމެއް ފެނިގެންދިޔަ ކަހަލައެވެ.

“އޯކޭ… ވަރަށް ރަނގަޅު މިއަދުން ފެށިގެން ވެސް ނިކުންނަން ފެށިއްޔާ، މިހާރު ކޭޝް ކައުންޓަރު ހަމައެކަނި ބަލަހައްޓަނީ ދީމް، އެއީ މިތަނުގެ ވަރަށް ޒަމާންވީ މުވައްޒަފެއް، މިއަދުން ފެށިގެން ޒީވާ ޑިއުޓީ ނަގާނީ އޭނާއާއިއެކު، ދީމް ކިޔާދޭނެ ކެފޭގެ މަސައްކަތްތައް، ދެން މުސާރަ…. ފުރަތަމަ ދެމަސްދުވަހު ލިބޭނީ ތިންހާސްރުފިޔާ، މަސައްކަތް ރަނގަޅިއްޔާ އެއަށްވުރެ މުސާރަ ބޮޑުކުރާނަން، އަދި އެހެނިހެން އެލަވެންސް ވެސް ދޭނަން…. އެހެންވީމަ އިހަށް ރަނގަޅަށް މަސައްކަތް ކުރެވޭތޯ ބަލަންވީ، އޭރުން ފަހުން ލިބޭ އެއްޗެއްގެ ފައިދާ ބޮޑުވާނީ، ކެފޭގައި އުޅޭނީ މުޅިން ވެސް ބިދޭސީން، އެމީހުން ހުރިހާ ކަމެއް ވެސް ކުރާނީ، ދޭތެރެއަކުން ޒީވާ ވެސް ޖެހޭނެ އެމީހުންގެ މަސައްކަތްތައް ބަލަން، އެހެންނޫނީ އެމީހުން ވެސް ފަރުވާކުޑަކޮށްލާނެ….” އާމިރު، ޒީވާއަށް އޭނާގެ ވަޒީފާގެ ހުރިހާ ޒިންމާތަކެއް ތަފްޞީލުކޮށް ކިޔައިދެމުންދިޔައެވެ. ވަރަށް ސަމާލުވެ ކަނުލާ އަޑުއަހަމުން ޒީވާ ދިޔައެވެ. އަދި އެންމެ ފަހުކަމެއްގެ ގޮތުން އާމިރު، ޒީވާ ގޮވައިގެން އެ އިމާރާތުގެ އެންމެ ތިރިއަށް، ކެފޭ ހަދާފައި ހުރި ބަޔަށް އައިސް ވަނެވެ. އޭރު ދީމާ ބިލު ހެދުމުގައި އަވަދިނެތި އުޅެއެވެ. ކެފޭ ތެރޭގެ އަޑުފަށްގަނޑު ގަދައެވެ. މީހުން ގިނަވެފައި ވާހަކަދައްކާ އަޑުތަކެވެ. އިރުއިރުކޮޅާ ވެއިޓަރުން ހުޅުވާލާ ބަދިގޭ ދޮރުން ނިކުމެގެން އަންނަ ކާއެއްޗެހީގެ ވަހުން މުޅި ފަޒާގެ ވަސް ބަދަލުކޮށްލާފައި ވެއެވެ.

“ދީމް…. މީ އައުކުއްޖާ، ޒީވާ….” އާމިރު، ޒީވާ އާއި ދީމް ބައްދަލުކޮށްދީ ތަޢާރަފުކޮށްދިނެވެ. އެއަށްފަހު ދީމް އާއި ހުރިހާ ކަމެއް ހަވާލުކޮށްފައި އޭނާ ކެފޭއިން ނިކުމެގެން ދިޔައީއެވެ.

އައުވެފައި ޒީވާ ހުންނަން ފެށުމުން ދީމް، ޒީވާގެ އަތުގައި ހިފައި ދަމާލަމުން އޭނާގެ ކައިރީ ހުރި ގޮނޑި ދައްކާލިއެވެ. އަދި އެތަނުގައި އިށީނުމަށް ލޮލުން އިޝާރާތްކޮށްލިއެވެ. ބައެއް ބިލްތައް ހަދާ ނިންމާފައި ދީމް ވާހަކަދައްކަން ފެށިއެވެ. ޒީވާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ. ދީމް، ޒީވާއަށް ކަންކަން ބުނެދިނުމުގައި ގެންގުޅުނު އެކުވެރި ގޮތްތަކުންނެވެ. ހީވަނީ ވަރަށް ފަސޭހައިން މީހުނާ ރައްޓެހިވާ ކަހަލަ ކުއްޖެއްހެނެވެ. އާމިރު އެއްވެސް ސުވާލެއް ނުކިރިއެއްކަމަކު ދީމް އެހެނެއްނުވިއެވެ. އޭނާގެ ފަރާތުން ޒީވާއަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތިވިއެވެ. އެހެންނަމަވެސް އެ ސުވާލުތަކަށް ޖަވާބުދޭން ޒީވާ ފަސްޖެހުމުން އިތުރަށް ދީމް ކަންތައްތައް އޮޅުން ފިލުވާކަށް ނޫޅެއެވެ.

ތަނުގައި މީހުން ގިނަވަމުން ދިޔަ ވަރަކަށް އެމީހުންގެ ލޯތަކުގައި ޒީވާ އަޅައިގަންނަން ފެށިއެވެ. ގިނަ މީހުން އައުކުއްޖަކު ގެނައިތޯ ސުވާލުކުރަނީ ދީމް އާއެވެ. އޭނާ “ހޫނ!” އަކުން ނިންމާލަނީއެވެ. އެއްބަޔަކު ބިލު ދައްކަން އައިސް ކޮންނަމެއް ކިޔާ ކުއްޖެއްތޯ ސުވާލުކުރެއެވެ. އެކަމުން ޒީވާއަށް އުނދަގޫވާގޮތްވިއެވެ. ނަމަވެސް ޑިއުޓީ ނިމެންދެން ހިތްވަރުކޮށްލިއެވެ. އެނާ އެނބުރި އައިސް ގެސްޓު ހައުސްއަށް ވަނީ ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށެވެ. ވަޒީފާ އަދާކުރުމަކީ ވަރަށް ބުރަކަމެއްކަމުގައި ޒީވާއަށް އިހުސާސް ވީ އޭނާ ވެސް ވަޒީފާއަކަށް ނިކުތީމައެވެ. ހޭދަކުރަންޖެހުނު ގިނަ ވަގުތުގެ ސަބަބުންނެވެ. ކޮޓަރިއަށް އައިގޮތަށް އެނދުމައްޗަށް ވެއްޓިގަނެވުނީ ވެފައި ހުރި ވަރުބަލިންނެވެ. ނަސީބަކުން އޭނާ އައީ ދީމް އާއިއެކު ކެފޭއިން ކައިގެންނެވެ. ރޭގަނޑުގެ ކެއުމާއި މެންދުރުގެ ކެއުން އެމީހުނަށް ކެފޭއިން ހިލޭ ލިބެއެވެ. އެކަމާ ވެސް ޒީވާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އަތުގައި ހުރި ފައިސާކޮޅު އެހާ މަދުވެފައި ހުއްޓާ މުސާރަ ލިބުމުގެ ކުރިން އޭނާ އަތުން ފައިސާ ހުސްވެއްޖެއްޔާ ގެސްޓު ހައުސްއަށް ދައްކާނެ ފައިސާއެއް ނުހުންނާނެއެވެ. އެހެންވެއްޖެއްޔާ އޭނާ އުޅޭނީ ކޮންތާކު ހެއްޔެވެ.

އިރުކޮޅަކު އެނދުގައި އޮވެއޮވެފައި ޒީވާ ވަރުބަލި ގޮތަކަށް ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އަދި ފެންވަރާލައިގެން ނިކުމެ އަރާމުކޮށް ނިދާލުމަށް އެނދުގައި އޮށޯތެވެ. އެހެންނަމަވެސް އޭނާ ނިދުމަށް ލޯމަރާލުމުގެ ކުރިން ފޯނަށް ބަލާލަން ބޭނުންވިއެވެ. އޭގައި ވަނީ އަކްމަލްގެ ފޮޓޯއެވެ. ލޯބިވެތި ގޮތަކަށް ފޯނަށް ބަލަން އޮވެ ފުންނޭވާއެއް ލާފައި ޒީވާ ފޯނު ގެނެސް މެޔާއިލާ ބޮނޑިކޮށްލިއެވެ. އަދި މަޑުމަޑުން އޭނާގެ ދެލޯ މެރިގެންދިޔައެވެ.

* * * * *

ހޭދަވާ ކޮންމެ ދުވަހަކާއި އެކު ޒީވާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ދިރިއުޅުން ބަދަލުކުރުމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ވަގުތީ ގޮތުން ޒީވާގެ ދިރިއުޅުން ހަމަޖެހިގެން ދިއުމެވެ. އޭނާ އަދާކުރާނޭ ވަޒީފާއެއް އޮވެފައި އަތުގައި ފައިސާ ހުންނަ ފަށައިފިއެވެ. ބޭނުންވާ ކަންތައްތައް އަމިއްލައަށް ފުއްދާލެވެއެވެ. އެކަކު ގާތު ވެސް ކަމަކު އެދޭކަށް ނުޖެހެއެވެ. ޝީރީން އެތައް ވަރަކަށް ގުޅައެވެ. ނަމަވެސް ޒީވާ ފޯނެއް ނުނަގައެވެ. އޭނާއަށް ހީވެސް ނުކުރާ ވަރުގެ ގާތް ރަޙުމަތްތެރިއަކު މިހާރު ވަނީ ލިބިފައެވެ. ހަޔާތުގެ ހުރިހާ ވާހަކައެއް ޚިއްޞާނުކުރިކަމުގައި ވިޔަސް ދީމް، ޒީވާއާ މެދު ހިތްބުރައެއްނުކުރެއެވެ. އަބަދުވެސް ޒީވާއަށް އެއްވެސް ކަމެއްގައި އެހީތެރިކަމެއް ބޭނުންތީ އޭނާ އަހައެވެ. ދީމްގެ ދިރިއުޅުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޒީވާއަށް އޭނާވަނީ ކިޔާދީފައެވެ. އެހެންވީމަ ދީމްގެ ދިރިއުޅުން ޒީވާއަށް ވަރަށް ރަނގަޅަށް ވަނީ އެނގިފައެވެ. ބައެއްފަހަރު ދީމްއަކި ޒީވާއަށް ލިބުނު ދައްތައެއް ފަދައެވެ. އެއީ ކެފޭގައި އުޅޭއިރު ބައެއް ފިރިހެނުން ޒީވާއާ ދިމާކުރުމުން އެ ދެމެދަށް ދީމް ނުވަންނަ ފަހަރެއް ނުދެއެވެ. އަބަދުވެސް ޒީވާ ދިފާއުކުރެއެވެ. އެ ކަހަލަ ފިރިހެނުންނާ ދިމާލަށް ދީމް އެއްޗެހި ގޮވާ ޒުވާބުކޮށްހަދައެވެ. އެވެސް ޒީވާގެ ހައްޤުގައެވެ. ނުވިތާކަށް ޒީވާއަށް ވެސް އެއްޗެހި ގޮވާލައެވެ. އޭނާ ފިނޑިވެފައި ނުހުރުމަށެވެ. ދިފާއުގައި އެއްޗެހި ބުނުމަށެވެ. މީހުން ބޭނުންހާ ގޮތެއް ތިމާއަށް ނުހެދޭނެކަން އެންގުމަށެވެ. އެއިން ކޮންމެ ފަހަރަކު ޒީވާ، ދީމް އާއި ބަދަލުކޮށްލަނީ ލުއި ހިނިތުންވުމެކެވެ.

ހަވީރުގެ ވަގުތެވެ. ސައިބޯށާއި ކޮފީތަކަށް މޭޒުދޮށަށް ޖަމާވާމީހުން ގިނައެވެ. ކުޑަކުޑަ މާލޭގައި މިވަގުތު ހުރީ “ހެވެލަސްކާ ކެފޭ” އެކަނި ކަހަލައެވެ. ދީމް އާއި ޒީވާ މޭޒުތަށް ބަލަހައްޓަމުން ދިޔައެވެ.

“ސުމަން…. ސުމަން…” ދީމް، ބިލު ތައްޔާރު ކޮށްފައި އެ ތަނުގައި އުޅޭ ބިދޭސީ ވެއިޓަރަށް ގޮވާލިއެވެ.

“ހޯދާ ގަޑިއަކު އޭނާއެއް ވެސް ނުފެންނާނެ، މޭޒުތައް މިއޮށް ފުރެނީ، އަވަހަށް ބިލު ދިނީމައެންނު، މޭޒު ހުސްވާނީ…” ދީމް ކުދި ކިޔާލިއެވެ. އެއާއެކު ޒީވާ ތެދުވިއެވެ.

“ތި ގެނެސް ބަލަ…. މީ ކޮންމޭޒެއްތަ؟… ބުލޫ ގަމީސް ޓޭބަލްތަ؟” ޒީވާ، ދީމްގެ އަތުން ބިލު އަތުލަމުން އަހާލިއެވެ. އެއާއެކު ދީމް ބޯޖަހާލިއެވެ. ޒީވާ ބިލު ހިފައިގެން ކެފޭގެ ދޮރު ކައިރީ ހުރި މޭޒުގެ ދޮށަށް އައިސް މޭޒުމަތީ ބިލު ބޭއްވިއެވެ. އަދި ދާން އެނބުރިލި ތަނާހެން ކެފޭ ތެރެއަށް ޒުވާން ފިރިހެން ގުރޫޕެއް ވަނެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި އަޑުގަދަ ކުރަމުން އެމީހުން ވަދެގެން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. ޒީވާގެ ކައިރިން އަޅާފައި އެންމެން ދިޔައިރު ހީވަނީ ސިނގިރޭޓުން ހުވަދުލައިގެން ތިބިހެންނެވެ. މޫނު ކުނިކޮށްލަމުން ޒީވާ އަވަސް އަވަހަށް އައިސް މޭޒު ދޮށުގައި އިށީނެވެ.

“އޭތް! ޒީވާ… މިއޮތީ ބިލު….” ރަނގަޅަށް ކައުންޓަރު ދޮށުގައި ނީށީނދެވިގެން އުޅެނިކޮށް ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ޒީވާ ބިލު ގެންގޮސްދިން މޭޒުން ފިރިހެނަކު ގޮވާލިއެވެ. އެތަނަށް އާއްމުކޮށް އަންނަ ކަސްޓަމަރުންނަށް ދީމް އާއި ޒީވާގެ ނަން ހިތު ދަހެވެ. އެހެންވެ އެމީހުން އެ ދެ އަންހެން ކުދިންނަށް އެ މީހުންގެ ނަމުން ނޫން  ގޮތަކަށް ނުގޮވައެވެ. އެވަގުތު މޭޒުދޮށުގައި ތިބި ބޮޑު ގުރޫޕުގައި އިން ފިރިނެއްގެ ސަމާލުކަން އެއަޑަށް ހުއްޓިގެން ދިޔައެވެ. އަދި ނިކަން އަވަހަށް އޭނާ ވަށައިގެން ހޯދާލިއެވެ. ކުއްލިއަކަށް އެ ޒުވާނާގެ ހިތުގެ ހިނގުން އަވަސްވެ ދެލޯ ބޮޑުކޮށްލެވުނީ ހިނގާލާފައި އަންނަ ޒީވާ ފެނިފައެވެ.

ހިންދިރުވާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. ބޭއިޚްތިޔާރުގައި ފަހަތަށް ގޮނޑި ދަމާލެވުނު ވަގުތު މޭޒާ ދާދި ގާތުން ހިނގާފައި ދިޔަ ޒީވާގެ އަވަސް ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ ދެމީހުންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ހީވީ މަދު ސިކުންތުކޮޅަކަށް ވިޔަސް ވަށައިގެންވި މާޙައުލުގެ ދައުރުވުން މަޑުޖެހިލިހެންނެވެ.

“އަކްމަލް…” އަނގައިން ނުބުނި ކަމުގައި ވިޔަސް ޒީވާގެ ހިތުން މޭޒު ދޮށުގައި އިން ޒުވާނާއަށް މުހާތަބުކުރެވުނެވެ. ހަމައެވަގުތު އެ މޭޒު ދޮށުގައި ވަށައިގެން ދެންތިބި މީހުންނަށް ޒީވާގެ ނަޒަރު ހިންގާލެވުމާއިއެކު މޫނު މަތިން ހާސްކަން ފެނިގެންދިޔައެވެ.

“ޒީވާ… ބިލު…. އަވަސްކޮށްލަ ދީބަލަ” ކުރިން ވެސް ޒީވާއަށް ގޮވާލި މޭޒުގެ ދޮށުން އަޑުއައުމާއިއެކު އޭނާ ސިހިފައި ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަތެވެ. އެވަގުތު އަކްމަލް އިން މޭޒުގެ ދޮށުން އެހެން ޒުވާނަކު ޒީވާއޭ ކިޔައިގެން ކޮންމެވެސް އެއްޗެއް ބުނެލިއަޑު އޭނާ އެހިއެވެ. ބިލު ހިފައިގެން ޒީވާ އެނބުރިލާންވާއިރަށް އަކްމަލް މޭޒު ދޮށުން ތެދުވިއެވެ. ޒީވާގެ ހިތުގެ ހިނގުން އަވަސްވުމާއިއެކު ކައުންޓަރު ދޮށަށް ދިއުމަށް އަވަސްވެގަނެވުނެވެ. އަކްމަލް އޭނާއާ ކުރިމަތިލުމަށް އަތުވެދާނޭތީ ޒީވާ ކަންބޮޑުވަނީއެވެ. އަނެއްކޮޅުން އަކްމަލްއާ ބައްދަލުކުރަން ވެސް އޭނާ ބޭނުންވެއެވެ. އެކަމަކު ހާލަތު ހިތް އެދޭހާ ކަމެއް ކުރުމުގެ ފުރުޞަތެއް ނުދިނެވެ.

“އަކޫ… ކަލެއަށް ކިހިނެއްތަތިވަނީ؟، އެ ކުއްޖާ ފެނިފައި ބިރުންތަ ތިއުޅެނީ…. އަކޫމެން ގޭ ކުއްޖަކީތަ؟ މަންމަ ގާތު ބުނެދާނެތީ ދޯ ތިއުޅެނީ” އަކްމަލްގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް ގޮނޑީގައި ބައިންދަމުން މޭޒު ދޮށުގައި އަކްމަލްގެ އެންމެ ގާތުގައި އިން ޒުވާނާ އަހާލިއެވެ. އެހެންނަމަވެސް އަކްމަލް އެއްވެސް ޖަވާބެއް ނުދިނެވެ. އެއާއެކު އެންމެންގެ ލޮލުގައި ޒީވާ އަޅައިގެންފިއެވެ.

“އޭނާއާ ގާތް ނުވާތި….” ގުރޫޕުގެ މެދުގައި ޒީވާއޭ ކިޔައިގެން ދެކެވެމުންދިޔަ ވާހަކަ މާބޮޑަށް ހޫނުވާންފެށުމުން ކުއްލިއަކަށް އަކްމަލް ބުނެލިއެވެ.

“ކޮއްކޮތަ؟ ބަލާއެއް…. ތި ގޮލާއަށް ކިހިނެއްވެތަ ތިއިނީ…. އޭނާއާ ގާތް ނުވަން އެއީ ކާކުތަ” ނޭފަތް އެތެރެއަށް ދަމާލަމުން ވަރުނެތް ގޮތަކަށް އަކްމަލްގެ ކުރިމަތީ އިން މައިހަމް ބުނެލިއެވެ. އެވަގުތު ގުރޫޕުގެ އިސްމީހެއްގެ ގޮތުގައި ހުރި މުސްލިމު، މައިހަމްގެ އަތުގައި ހިފަހައްޓާލުމާއިއެކު އޭނާއަށް ބަލާލީ ހިތްހަމަނުޖެހިފައި އިން ފަދަ ގޮތަކަށެވެ.

“އެއީ ކޮންމެ މީހަކަށް ވިޔަސް އަކޫ އަތްނުލާށޭ ބުނާއެއްޗެއްގައި އަތްލައިގެން ނުވާނެ، އަތްލައިފިނަމަ ހަނދާންކުރާތި އެ އަތްލެވުނީ މަގޭ އެއްޗެއްގަކަން….” އިންޒާރުދޭ ފަދަ ގޮތަކަށް ހަރުކަށި ރާގެއްގައި މުސްލިމު ބުނެލިއެވެ. އަދި އޭނާ ފަސްއެނބުރި ކައުންޓަރުގައި އިން ޒީވައަށް ބަލާލިއެވެ.

މޭޒު ދޮށުގައި ތިބި ޒުވާނުންތައް ޒީވާއަށް ފެނެއެވެ. އެ މީހުންގެ ތެރޭގައި އިން އަކްމަލް ވެސް ޒީވާއަށް ފެނެއެވެ. މިއަދު އޭނާއަށް ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވަނީއެވެ. ސިކުނޑީގައި ސުވާލުމާކު ޖެހެމުންދިޔަ ދިޔައިރު އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ.

“އަކްމަލް…. އަކްމަލް ވިޔާނުދާ މީހުނާ ގުޅުނީތަ؟ ކީއްވެ؟ މިހާރު ހީވަނީ ޕާޓޭއެއްހެން…. ޔޫސް ކުރާ މީހެއްހެން…. ފެންވެސް ނުވަރާ ކަންނޭނގެ، އޯ ގޯޑް… ހޫ އިޒް ހީ… އެއީ އަހަރެންގެ އަކްމަލްތަ؟ ކައިރީގައި އެ ތިބީ ޕާޓޭންކަން ޔަޤީން، އަކްމަލް އެ މީހުނާ ގުޅެންވީ ކީއްވެ؟ އޭނާ އެހެން އުޅޭއިރު އަކްމަލްގެ ޢާއިލާ މީހުން ކޮބާ؟ އެމީހުން އަޅާ ވެސް ނުލަނީތަ؟…. އޯ ގޯޑް…” ސިއްރުން އަކްމަލްއާ ދިމާލަށް ބަލަމުން ދިޔަ ޒީވާގެ ހިތަށް އަރަމުންދިޔައެވެ. ލޮލަށް ފެންނަނީ ހަޤީޤަތެއް ނޫންކަމުގައި އެތައް ފަހަރަކު އޭނާ ޤަބޫލުކުރަން ބޭނުންވިއެވެ.

“އޭތް!، ކިހިނެއްވީ؟ މިތަން އެހާ ހޫނީތަ ދާހިއްލަނީ؟” ކައުންޓަރު ކުރިމަތީ ހުރި ބިދޭސީ މީހާއަތަށް ބަލު ހަވާލުކޮށްލާފައި ގޮނޑީގައި ހަމަޖެހިލި ދީމް ބުނެލިއެވެ. ނިތްކުރިން ހިލެމުންދިޔަ ދާތިކިތަކުގެ ލިސާނެއް ޒީވާއަށް ވީ ދެނެވެ. ކައުންޓަރުގެ އެތެރެ ފަރާތުގައި ބަހައްޓާފައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި އަވަސް އަވަހަށް މޫނު ފޮހެލަމުން ދީމް އާއި ވާހަކަ ދެއްކިއެވެ.

“ދީމް، އެއީ މީގެ ކުރިން މި ކެފޭއަށް އައި ބައެއް ނޫން ދޯ، ހީވަނީ ވަރަށް ވިޔާނުދާ ބައެއްހެން” ޒީވާ ބޭނުންވީ ދީމްގެ ޚިޔާލެކެވެ. އޭނާއަށް ފެންނަ މަންޒަރު ދޮގުކުރާށެވެ.

“އާނ! ނުދެކެން… ޒީ… އެހާ ވަރަށް އެމީހުނާ ދިމާލަށް ނުބަލާ، އެހެންނޫނީ މި ދިމާލަށް އަހަރުމެންނާ ދިމާކުރަން އަތުވެދާނެ، ތިބި ގޮތް ވެސް އެ ތިބީ، ބޮޑެތި ޕާޓޭންތަކެއްހެން… ރަނގަޅަށްވެއްޖެއްޔާ ކޮންމެވެސް ތާކުން ރުފިޔާގަނޑެއް ވަގަށް ނަގައިގެން އައިސް ކަންނޭނގެ ސައިބޯން މިތަނަށް އެވަނީ، އޭގެ ތެރޭން ގިނަ މީހުން ހީވަނީ މިހާރު ވެސް ބޭނުންކޮށްގެން ތިބިހެން، އެކަހަލަ މީހުނާ އެހާ ވާހަކަ ނުދެއްކުން ރަނގަޅުވާނީ، އަޅާ ނުލާ ތިބެނިކޮށް ސައިބޮއެގެން ހިނގައިދާނެ” ދީމްގެ ވާހަކައިން ޒީވާގެ ލޮލަށް ކަރުނަ ޖަމާކުރުވިއެވެ. އޭނާގެ އަކްމަލް އޭހާ ދަށު ދަރަޖައަށް ދިޔައީ ތޯ އަމިއްލަ ނަފުސާ ސުވާލުކުރާ ވަރަކަށް އޭނާގެ ހިތް ބަލިކަށިވަމުންދިޔައެވެ. އިސްޖަހައިލައިގެން އިނުމަށްފަހު އަތުގައި އޮތް ޓިޝޫ ކޮޅުން މޫނު ފޮހެލާ ކަމަށް ހަދާފައި ޒީވާ އޭނާގެ ދެލޯ ފުހެލިއެވެ. އަދި ކުއްލިއަކަށް ތެދުވެގެން އައިސް ކެފޭގައި ސްޓާފުން ބޭނުންކުރާ ފާޚާނާއަށް ވަދެ ދޮރުލައްޕާ ތަޅު ލައިފިއެވެ.

އެތައް އިރަކު ފާޚާނާގައި ހުރުމަށްފަހު، މޫނު ދޮވެލައިގެން ޒީވާ އައިސް ކައުންޓަރު ކައިރީ ހުއްޓިލިއެވެ. އޭރު ވެސް އޭނާގެ ދެލޯ ހޯދަމުން ދިޔައީ އަކްމަލްއެވެ. އެކަމަކު ކެފޭތެރެއަކުން މިހާރު އެ ގުރޫޕެއްނެތެވެ. އެމީހުނާއިއެކު އަކްމަލް ވެސް ދިޔައީއެވެ.

“ޒީ…. ހުރިހާ ކަމެއް ރަނގަޅުތަ؟ ހާދަ ލޯ ރަތޭ…” ދެރަވެފައި ދުރު ބަލަހައްޓައިގެން ހުރި ޒީވާގެ އަތުގައި ހިފާލަމުން ދީމް އަހާލިއެވެ. އޭނާ ވެސް ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައި ހުރި ކަހަލައެވެ.

“އަކްމަލް ދިޔައީތަ؟ އޭނާ އެއްފަހަރު ވެސް އަހަރެން ގާތަށް ނައި، އަންނަން ބޭނުންނުވަނީތަ؟ ލޯބި ނުވަނީތަ؟ އެ ދިޔައީ އަހަރެން ފެނުމުން ވެސް ފެންނަ ކަމަށް ނަހަދާ…. އަހަރެންގެ ހާލު އަހާނުލިތާ ކުޑަމިނުން ހިނިތުންވެލި ނަމަ ކީއްވާނީ…. އެހާ އަވަހަށް އަކްމަލް އަހަރެން ދެކެ ފޫހިވީތަ؟ އަކްމަލްގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރާއިރު…. އަކްމަލް އަހަރެންގެ މަތިން އެއްގޮތަކަށް ވެސް ހަނދާން ކުރާހެނެއް ހިޔެއްނުވޭ… އެހެންނޫންނަމަ އަހަރެންގެ ކުރިމައްޗަށް އަރާފައި އެނބުރި އެގޮތަށް ދާކަށް ނުކެރުނީސް، އަހަންނާ ކުރިމަތިލާފައި އެ ދިޔައީ އަހަރެން ލޯބި އަކްމަލްއެއް ނޫން… އެ އަކްމަލް މި ދުނިޔެއާއި ވަކިވެއްޖެ… އާނ! ދެން އަހަރެންގެ އަކްމަލްއެއް އެނބުރި އަހަރެންގެ ގާތަކަށް ނާންނާނެ، އޭނާ އަހަރެންގެ މަތިން ހަނދާންނައްތާލައިފި… އަހަރެން މިނިވަންކޮށްދީފި…. އެކަމަކު…. އެކަމަކު އަހަންނަށް އެ މިނިވަންކަން އިހުސާސް ނުކުރެވެނީ ކީއްވެ؟ ތަދުވަނީ ހަމައެކަނި ހިތަކަށް ނޫން… މުޅި ހަށިގަނޑަށް ވެސް މި ވޭން ފެތުރޭކަހަލަ… މީ އަކްމަލް އަހަންނަށް ދިން ވޭނެއް… ދުވަހަކު ވެސް ވަކި ނުވާނަމޭ ބުނެ، ދުވަހަކު ވެސް އަހަރެންގެ ހިތުގައި ނުޖައްސާނަމޭ ބުނެ، ދުވަހަކު ވެސް އަހަރެންގެ މަތިން ހަނދާނެއް ނުނެތޭނެއޭ ބުނެ… އަދި އަހަންނާ ވަކިން ދިރިނޫޅެވޭނެއޭ ބުނެ…” ދެލޮލުން ކަރުނަ ނައެއްކަމަކު ޒީވާގެ އަނގައިން ބޭރުވެގެން ދިޔައީ ގިސްލުމުގެ އާހެކެވެ. ތުރުތުރު އަޅާލި ދެތުންފަތް ޖައްސާ ބާރުކޮށްލުމާއެކު ޒީވާ ހިންދިރުވާލިއެވެ. ހީވީ ހުރިހާ ވޭނަކާއި ކަރުނައެއް ދިރުވާލީ ހެންނެވެ. އަނގައިން ބުނާކަށް އޭނާގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. ބަސްހުއްޓުނީއެވެ. ހިތަށް ކުޅަދާނަނުވީއެވެ.

“ޒީ….” މަޑުމަޑުން ދީމް އޭނާގެ ގާތުގައި ހުއްޓުން އަރާފައި ހުރި އެކުވެރިޔާގެ އަތުގައި ހިފައި ބާރުކޮށްލަމުން ގޮވާލިއެވެ. ކޮންމެވެސް ކަމެއް ޒީވާއަށް ވެއްޖެކަން ދީމްއަށް ޔަޤީނެވެ. ޑިއުޓީގެ ބާކީ އޮތް ވަގުތުގައި ޒީވާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އެކަމާ ވެސް ދީމް އިތުރަށް ކަންބޮޑުވިއެވެ. އެތައް ސުވާލެއް ޒީވާއަށް ކުރެވުނެވެ. އެރޭގެ ޑިއުޓީ ނިންމާފައި ކެފޭއިން ދީމް އާއި ޒީވާ ނިކުތީ އެކުއެކީގައެވެ. ދީމް އޭނާގެ ގެއާއި ދިމާލަށް ހިނގައިގަތުމުގެ ކުރިން ޒީވާގެ އަތުގައި ހިފިއެވެ.

“ޒީ… ޕްލީޒް، ވީގޮތެއް ބުނެދީބަލަ، އަހަންނަށް ކަމެއް ކުރެވުނީތަ؟ އެއްޗެއް ބުނެވުނީތަ؟ ޒީގެ މޫނަށް ބަލާލީމަ ވެސް އެނގޭ ތިހުރީ ކޮންމެވެސް ކަމަކާ ދެރަވެފަކަން، ތި ދެލޯ އިރު އިރުކޮޅާ ފެންކަޅިވާތަން އަހަންނަށް އެބަފެނެއޭ…” ޒީވާ ދޫކޮށްލާފައި ދިއުމަށް ދީމްގެ ހިތެއް އެއްބަހެއް ނުވިއެވެ.

“މީ ދީމް އާ ބެހޭކަމެއްނޫން… އަތުން ދޫކޮށްލާ” ޒީވާ އޭނާގެ އެކުވެރިޔާއަށް މުހާތަބުކުރީ މީގެ ކުރިން ކޮށްފައިނުވާހާ ހަރުކަށިކޮށެވެ. ހައިރާންވިއެއް ކަމަކު ދީމްއަށް ކަމެއް ވިސްނުނީ ކަންނޭނގެއެވެ. އޭނާ ޒީވާގެ މޫނަށް ބަލަން ހުރެފައި އޭނާގެ އަތުން ދޫކޮށްލިއެވެ. އަދި އެނބުރި އޭނާގެ ގެއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ޒީވާ އައިސް ވަނީ ގެސްޓު ހައުސްއަށެވެ.

ޒީވާއަށް ބަދަލުތަކެއް އަތުވެއްޖެކަން ދީމްއަށް ފާހަގަކުރެވުނީ ކެފޭއަށް މަސްތުވާތަކެތި ބޭނުންކޮށްގެން ތިބި ކަހަލަ ބަޔަކު ވަން ދުވަހުން ފެށިގެންނެވެ. ދީމްއަށް ނޭނގޭ ކަމަކީ އެމީހުންގެ ތެރޭގައި ޒީވާގެ ހުރިހާ އުންމީދަކާއި ހުރިހާ ހުވަފެނެއްގެ ވެރިފަރާތް އިންކަމެވެ. އޭނާގެ ހިތާއި ހަށިގަނޑު ވަކިވި ފަހުން އެ ދުވަހަކީ ފުރަތަމަ ފަހަރަށް ޒީވާ އޭނާގެ ހިތާއި ބައްދަލުވި ދުވަސްކަމެވެ. ދީމް އާއި ޒީވާ އެކުގައި މަސައްކަތް ކުރާތާ ދެ މަސް ދުވަސް ފާއިތުވެ ދިޔަ ނަމަވެސް ދީމް އޭނާގެ އެކުވެރިޔާއަށް ބަލައެވެ. އެ ދެމެދުގައި އޮތް އެކުވެރިކަން ކުޑަކޮށް ވެސް ހީނަރުވިޔަ ނުދިނުމަށް ދީމް މަސައްކަތް ކުރިއެވެ. ޒީވާ ވާހަކަ ނުދެއްކި ނަމަވެސް ދީމްގެ ދޫ ހިމޭނުންނެއް ނުބޭއްވިއެވެ. އެހެންނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ޒީވާއަށް ކުރަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. ކެތްތެރިކަމާއިއެކު ދީމް މަޑުކުރަމުން އައީ ރަނގަޅު ވަގުތެއްގައި ނޫނީ އެއިން އެއްވެސް ސުވާލެއް ޒީވާއާ ނުކުރަން ނިންމައިގެން ހުރެއެވެ.

އެހެން ދުވަސް ދުވަހަކޭ އެއްގޮތަށް ދީމް އާއި ޒީވާ ތިބީ މެންދުރު ކެއުމަށް ކެފޭގެ މޭޒެއްގެ ދޮށުގައެވެ. އެތަނަކީ ކެފޭއަކަށް ވުރެ ބޮޑަށް ސައި ހޮޓަލަކާއި ވައްތަރެވެ. އެއީ އެތަނަށް ގިނައިން ވަދެ ނިކުމެވަނީ ފިރިހެނުންނަށް ވީތީއެވެ. އެކަމަކު ދީމް އާއި ޒީވާއަށް އެކަން ބޮޑު ކަމަކަށް މިހާރު ނުވެއެވެ. މަޑުމަޑުން އުލުން ބަތްތަށި ހާވާލަ ހާވާލާ އިން ޒީވާ އިސް އުފުލާ ދީމްއަށް ބަލާލިއެވެ.

“ދީމް…” މަޑުމަޑުން ޒީވާ ގޮވާލިއެވެ.

“ޔެސް! ޒީތަ ތި ގޮވާލީ” އަނގަޔަށް ޕާޕަރު ލާލާ އިނދެފައި ކުއްލިއަކަށް ދީމް ބުނެލިއެވެ. އެއާއެކު ޒީވާ ބޯޖަހާލީ “އާނއެކޭ” ބުނުމަށެވެ.

“އަވަހަށް ބުނޭ…. ޒީ އަހަންނާ ވާހަކަ ނުދައްކައިގެން އަހަރެން މިހާރު ހަދާނެގޮތް ހުސްވާ ހިސާބަށް ގޮސްފައި ހުއްޓާ ތި ވާހަކަދެއްކީ، ބުނެ އެންނު މުސްލިމަކަށްވެ ހުރެ ތިން ދުވަހަށްވުރެ ގިނަ ދުވަހަކު އަނގައިން ނުބުނެ ހުންނާކަށް ނުވާނެއޭ…” އުފާވެފައި އިން ދީމްގެ އަނގަ ގަދަވިއެވެ. އެއާއެކު ޒީވާ މަޑުމަޑުން އުލުގައި ހިފަހަށްޓާލައިގެން އިން ދީމްގެ އަތުގައި ހިފާލިއެވެ. ހީވީ އޭނާ ދައްކާ ވާހަކަ އަޑުއަހާށޭ ބުނަން ބޭނުންވި ހެންނެވެ. ވަގުތުން ދީމް މައިތިރިވިއެވެ. އަދި ޒީވާއަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ.

“ދީމް… ޝުކުރިއްޔާ…” މަޑުމަޑުން ލަސް ލަހުން ޒީވާ ބުނެލިއެވެ.

“ކޮންކަމަކަށް؟” ސީރިއަސްވެފައި އިނދެ ދީމް އަހާލިއެވެ.

“އަހަރެންގެ އެކުވެރިއަކަށްވާން މަސައްކަތްކުރާތީ… އަހަރެން އެކަނިވެދާނޭތީ އެކަމާ ދީމް ވިސްނާތީ…” ޒީވާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

“އަހަރެންގެ އެހާ ގިނަ ރަޙުމަތްތެރިންނެއް ނުތިބޭކަން ޒީއަށް އެނގެއެންނު، ތީ އަހަންނަށް ލިބުނު އެންމެ ގާތް ރަޙުމަތްތެރިޔާ، އަހަންނަށް ޒީ ސިފަވީ ވަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގައި، އެހެންވީމަ ޒީ ވާހަކަނުދެއްކިޔަސް އަހަރެން އެކަމާ ހިތުގައި އެއްޗެއް ނުލީ، ޒީއަށް ވަރަށް ބޮޑުކަމެއް ޖެހިއްޖެޔޭ އަހަރެންގެ ހިތް ބުނި، މިހާ ދުވަހު އަހަރެން މަޑު މި ކުރަނީ ޒީ އަހަންނަކީ ރަޙުމަތްތެރިއެއްގެ ގޮތުގައި ދެކޭނެ ކަމަށް، އަހަރެންގެ ގާތުން އެހީއަށް އެދޭނެކަމަށް، އޭރުން އުފަލުން ހުރެ ޒީއަށް އަހަރެން އެހީ ވާނަން… ބައެއްފަހަރު ތިމާ އެކަނި ވިސްނުމަށްވުރެ ގާތް މީހަކާ ޚިއްޞާކުރުމުން ފައިދާވޭ” ހިނިތުންވެލި ދީމް ބުނެލިއެވެ.

“އަހަރެން ޚިއްޞާކުރަން އޮތީ އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއްނޫން…. އެކަމަކު ބުނެފާނަން ވާހަކައެއް، އަހަރެންގެ މިހާރު ދީމް ނޫނީ ރަޙުމަތްތެރިއަކު ނެތް، ދިރިއުޅުމުގައި ގިނަ ރައްޓެހިންތަކަކަށް ހަޤީޤަތުގައި ބޭނުމެއްނުވޭ، ތިކަހަލަ އެންމެ އެކުވެރިއަކުން ފުދޭނެ…” ލުއި ހިނިތުންވުމެއް ޒީވާގެ ތުންފަތުގައި ދުވެލިއެވެ.

“ސީރިއަސްލީ، ޒީ ޤަބޫލުކުރަންތަ އަހަންނަކީ ޒީގެ ފްރެންޑެއްކަމަށް، އެހެންވީރު ބުނެބަލަ، އަހަރެން ވާހަކައެއް އަހާލުމުން ޒީ އަދިވެސް ރުޅި އަންނާނަންތަ؟” ދީމް ޔާޤީންނުވެފައި އިން ފަދަ ގޮތަކަށް އަހާލިއެވެ. އެއާއެކު ޒީވާ މަޑުމަޑުން ބޯޖަހާލީ ހުއްދަދީފީމޭ ބުނި ފަދަ ގޮތަކަށެވެ.

“ޒީ ކިޔައިދޭން ބޭނުންވީމަ ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނެކަން އަހަންނަށް އެނގޭ، އެހެންވިޔަސް މިވަގުތު އަހަރެން އަހަން ބޭނުންވަނީ ޒީ ގެސްޓްހައުސްއެއްގައި އުޅެންޖެހުނީ ކީއްވެގެންކަން، އަންހެން ކުއްޖަކު އެކަހަލަ ތަނެއްގައި އުޅުމަކީ އެހާ ސޭފްކަމެއްނޫން… އަހަންނަށް ކިތަންމެ ފަހަރަކު ފެނިއްޖެ ޒީ މިތާ ކައިރީގައި ހުންނަ ގެސްޓްހައުސްއަށް ވަންނަތަން” ދީމްގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ.

“އެއީ މިހާރު އަހަރެންގެ ގެ، އެ ނޫންތަނެއް އަހަރެން ދިރިއުޅޭކަށްނެތް، ވަޒީފާއެއް އޮތީތީ އެތަނުން ވެސް ބޯހިޔާކޮށްލެވެނީ، އެހެންނޫނީ މިއޮއްބޮޑު ދުނިޔޭގައި ވެސް މިހާރު އަހަރެން ގޮސް ވަންނާނެ ގެޔެއްނެތް…” ޒީވާ ހުރިހާ ވާހަކައެއް ދީމްއާ ޚިއްޞާކުރަން ބޭނުންވި ނަމަވެސް އޭނާ ފަސްޖެހެނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެކަނިވެރިކަމަކީ އޭނާއަށް މިއަދު ފައިދާއެއްކުރާނެ އެއްޗެއް ނޫނެވެ. އެކަމަކު ގުޅުން އުފެއްދުމަކި ކުރަން ފަސޭހަ ވެސް ކަމެއް ނޫނެވެ.

“އަހަރެން ކަމަކަށް އެދެފިއްޔާ ޤަބޫލުކުރާނަންތަ؟” އިރުކޮޅަކު ޒީވާއަށް ބަލަހައްޓައިގެން އިނދެފައި ދީމް ބުނެލިއެވެ.

“ދީމް، ރަޙުމަތްތެރިއެއްކަމަކު އަހަންނަށް ކުރަން އުނދަގޫކަންތައްތައް ވެސް ހުންނާނެ ދޯ، އެކަމަކު ކުރެވޭވަރުގެ ކަމެއްނަމަ އަހަރެން ބަލާނަން ދީމްއަށްޓަކައި ވިޔަސް ޤަބޫލުކުރެވޭތޯ” ދީމް ކޮންމެ ފަދަ ކަމަކަށް ވެސް އެދިދާނެކަން ޒީވާއަށް އެނގެތީ އޭނާ އިނީ ޖެހިލުންވެފައެވެ.

“އަހަރުމެން ގޭގައި އުޅޭނީ މަންމަ އާއި ދޮންތަ، އެހެން އެކަކު ވެސް ނޫޅޭނެ، މަންމައަކީ ދަރުމަވަންތަ ސްކޫލުގައި މަސައްކަތްކުރާ މީހެއް، ދޮންތަ އުޅޭނީ އަމިއްލަ އޮފީހެއްގައި، އެމީހުން ވަރަށް ރަނގަޅުވާނެ، ޒީ… ޒީ އަންނަންވީނު އަހަރެންގެ ގެއަށް… ހުސްކޮޓަރިއެއް ހުންނާނެ، ޒީ ބޭނުމިއްޔާ އަހަންނާއެކު އެއްކޮޓަރިއެއްގައި ނިދޭ ގޮތް ވެސް ހަމަޖައްސައި ދީފާނަން…” ދީމް ވާހަކަދެއްކި އިރު އޭނާ ބުނާ އެއްޗަކުން ޒީވާ ހިތްހަމަނުޖެހިދާނޭތީ އިނީ ވަރަށް ވިސްނައިގެންނެވެ. އެހެންވިޔަސް އޭނާ ބޭނުންވަނީ ޒީވާއަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ޚާއްޞަ ގާތް އެކުވެރިއެއްގެ ގޮތުގައި ޒީވާއާ ދޭތެރޭ ދެކޭތީއެވެ. ގެސްޓްހައުސް އެއްގައި އެ އަންހެން ކުއްޖާ އުޅެން ދޫކޮށްލަން ދީމްގެ ހިތް އެއްގޮތަކަށް އެއްބަސްނުވާތީއެވެ.

“ދީމް…” ޒީވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ބުނޭ އާނއެކޭ، އަހަންނަށް ޒީއަށް އިތުބާރު ކުރެވޭތީ ގެއަށް ގެންދަން މިއުޅެނީ، ގާތް އެކުވެރިއަކަށްޓަކައި މިވަރު ކަމެއް ވެސް ކޮށްނުދެވޭނެތަ؟” ޒީވާގެ އަތުގައި ހިފާ ބާރުކޮށްލަމުން ދީމް އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަރެން… އަހަރެން ކިހިނެއް ގޮސް ދީމްމެންގެ ގޭގައި ހުންނާނީ، ރަޙުމަތްތެރިއަކަސް ހާދަ ބޮޑު ބުރައެކޭ އެއީ، މި ޒަމާނުގައި ކާއެއްޗެއް ކީއްކުރަން ފެންފޮދެއް ވެސް ބޯލެވެނީ އަތުން ޚަރަދުކޮށްގެން، އަހަރެންގެ ޒިންމާ އަހަރެންގެ އެކުވެރިޔާ އުފުލާތަންދެކޭކަށް އަހަންނަކަށް ކެތެއްނުވާނެ، އެހެންނޫނަސް އަހަރެން މިއަދު މިގޮތުގައި މިހިރީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައި، އެކަކަށް ވެސް އަހަރެންގެ ބުރައެއް ޖައްސާކަށް ބޭނުމެއްނޫން…” ޒީވާ މިހެން ބުނެލީ ދީމްއަށް ވިސްނޭނެކަމަށް ހީކޮށެވެ.

“އެކުވެރިންނަށް އެކަކު އަނެކަކު ބުރައަކަށްވާނަމަ އެދެމެދުގައި ހަޤީޤީ އެކުވެރިކަމެއްނެތީ، މިއަދު ޒީ ތިހިރީ ކޮންމެވެސް ގޮތަކުން ހާލުގައި ޖެހިފައިކަން ޒީ ނުބުންޏަސް އަހަންނަށް އެނގޭ، އަހަރެން އިތުރު ސުވާލެއް ކުރާކަށް ބޭނުމެއްނޫން، ޒީ ބުނަން ބޭނުންނަމަ އަހަރެން އަޑުއަހާނަން…. ޕްލީޒް، ހެޔޮހިތުން އަހަރެންގެ އެކުވެރިޔާއަށް އެހީތެރިކަމެއްގެ އަތް ފޯރުކޮށްދިނުމުގެ ނަސީބު އަހަންނަށް ދީ… ޕްލީޒް ޒީ… ތިހެން އެކަނި ގެސްޓްހައުސްތަކުގައި އުޅޭ ކުދިންނަށް މީހުން ހާދަ ފާރަލައޭ، އަހަރެންގެ އެކުވެރިޔާއަށް ދެރަގޮތެއްވާކަށް އަހަރެން ނޭދެން، މިއަދު އަހަންނަށް އެހީވެވެން އޮތީމަ ޒީއަށް އެހީވާން ބޭނުންވަނީ… އެހެންވީމަ އާނއެކޭ ބުނޭ… އޭރުން މިހާރު މިވަގުތު ވެސް މަންމައަށް ގުޅާފައި ހުރިހާ ކަމެއް ހަމަޖައްސައިދޭނަން…” ދީމް ފަދަ ރަޙުމަތްތެރިއެކު ޒީވާއަށް މިއަދު ލިބުމަކީ އޭނާ އެކަމަށް ޝުކުރުވެރިވާންޖެހޭ ވަރުގެ ކަމެއްކަމަށް ޒީވާ ދުށްޓެވެ.

“އަހަރެން…. ދީމް… އަހަރެންގެ އަތުން ކޮންމެވެސް އެއްޗެއް ނަގާ ގޮތަށް ތިގެއަށް ހިނގައިދާނަން، އެހެންނޫނީ އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ” ވިސްނަން އިރުކޮޅަކު އިނދެފައި ޒިވާ ބުނެލިއެވެ. އޭނާ އެއްބަސްވި ނަމަވެސް ހިތާއި ސިކުނޑީގައި ވަނީ ސުވާލު އުފެދިފައެވެ. ދީމް އާއިއެކު އެގެއަށް ދިއުމަކީ ރަނގަޅު ނިންމުމެއްކަން ޒީވާއަށް ޔަޤީންކުރަން ދަތީއެވެ.

“ޒީއަށް ފެންނަ އެއްޗެއް ދީ، އަހަރެންގެ މައްސަލައެއްނެތް… އެކަމަކު އަހަންނާއިއެކު ގެއަށް ދާންވާނެ” ދީމް ވަރަށް އުފާވެލާފައި ބުނެލިއެވެ. ޒީވާ ހިނިތުންވެލީ ދީމްގެ އުފާވެރިކަމަށް ބަދަލު އަތުވެނެތީއެވެ. އަނެއްކާ ގޮސް މީހެއްގެ ގެއަށް ވަންނަންވީމާ ޒިވާ ޖެހިލުންވަނީއެވެ. އޭނާގެ ހަޤީޤަތް އެނގުމުން އެމީހުން ބުނާނެ އެއްޗެއް ވެސް ނޭނގެއެވެ.

* * * *

“ކޮންކަމަކަށް ގެއްލިފައި” އިޝާ ނަމާދުކޮށްލައިގެން އައިސް ބަދިގެ ފަރާތަށް ފެންފޮދެއް ބޯލަން ވަން ލަބީބަށް އުނދުން ކައިރީ ހުއްޓުން އަރާފައި ހުރި ޝީރީން ފެނި އަހާލިއެވެ.

“ކަމަކަށް ނޫން…” ޝީރީންގެ އުދާސްވެފައި ހުރި މޫނު އެއްއަތުން ފޮހެލަމުން ލަބީބަށް އޭނާ ފުރަގަސް ދިނެވެ. އަދި އުނދުން މަތީ ހޫނުކުރަން އުދާފައި ހުރި ތެލި ހަލާލިއެވެ.

“ކީއްވެތަ ބަސްމަދުވެފައި ތިހުންނަނީ، މިހާރު ޝީރީން ވާހަކަ ފޮތެއް ވެސް ކިޔާލާތަނެއް ނުފެނޭ، އަހަންނާ ވެސް ވާހަކަދައްކާއިރު ހީވަނީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ބުނަން ބޭނުންނުވާހެން… ސިކުނޑީގައި ހުރިހާކަމެއް ފޮރުވައިގެން ހުއްޓަކަސް އަހަންނަކަށް ނޭނގޭނެ ދޯ” ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީން ލަބީބު ފެންތަށި ކައިރިކޮށްލަމުން ބުނެލިއެވެ.

“އެއްޗެހި ހޫނު ކުރާއިރު މިތަނުގައި އިނީމަ ހެދުމުގައި ވަސްހިފާނެ، މިރޭ އަދި ބޭރަށް ދާނަމެންނު” ޝީރީން ބުނެލިއެވެ. އޭނާ ލަބީބު ދެއްކި ވާހަކައެއް އެއްޗެއް ބުނަން ބޭނުންނުވަނީ ކަންނޭނގެއެވެ.

“ޝީރީން، މަށާ ވާހަކަދައްކަބަލަ…” ޝީރީނަށް ނަޒަރު ހުއްޓާލައިގެން އިން ލަބީބު ބުނެލިއެވެ.

“އަހަރެން ދައްކަންވި ވާހަކައެއް ވެސް ލަބީބު ބުނީމަތާ އެނގޭނި އެ ވާހަކައެއް ފަށަން ވެސް” ޝީރީންގެ ވާހަކަހުރިގޮތުން ލަބީބު ހައިރާންވިއެވެ. ޝީރީންގެ މޫނުމަތިން ފެންނަނީ މާޔޫސްވެފައި ހުރި ކަމުގެ ކުލަވަރެވެ.

“ޝީރީން ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެން އަޑުއަހާނަން” ކުއްލިއަކަށް އިސްޖަހާލަމުން މަޑުމޮޅި ގޮތަކަށް ލަބީބު ބުނެލިއެވެ. ޝީރީން މޭޒުމައްޗަށް ތަށިތައް ގެނެސް އަތުރާލުމާއިއެކު ރިހަ ބޯތަށިތަކާއި ބަތްއަޅާފައި ހުރި ބޮޑު ތަށި ގެނެސް މޭޒުގެ މެދުގައި ބެހެއްޓިއެވެ. އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް އައީ މޭޒު ދޮށަށް އައުމާއިއެކު ލަބީބު އޭނާގެ އަތުގައި ހިފުމުންނެވެ.

“އިހަށް މިތާ އިށީނދެބަލަ، އަހަންނާ ވާހަކަދައްކަބަލަ…” ލަބީބު އަޑުގައި މަޑުމައިތިރިކަން އެކުލެވިފައި ހުއްޓެވެ. ޝީރީން ހަތަރުކަޅި ހަމަކޮށްލާފައި ވެސް އަވަސް އަވަހަށް އިސްޖަހާލިއެވެ.

“ޒީވާ… ޒީވާ ގެއަށް ގެނެސްދީ….” ވަގުތުން ޝީރީންގެ ބަޑިފަޅައިގެން ދިޔައީއެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އިތުރަށް ކެތްނުވީއެވެ. ލަބީބު އަވަސް އަވަހަށް ޝީރީންގެ ބޮލުގައި ފިރުމާލަމުން ނުރޯށޭ ބުނެލިއެވެ. އަދި ނިކަން ލޯބިން އަނބިމީހާގެ ދެލޯ ފޮހެލަދިނެވެ.

“މިގަޑީ މިތަނަށް ކުއްޖަކު އަތުވެދާނެ، ޝީރީން ތިގޮތަށް ފެނުނީމަ ކުދިން ކިހާ ކަންބޮޑުވާނެ، ލަމްޔާ މިހާރު ވެސް ހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފަކަން އެނގޭ… އެއީ ޝީރީންގެ ދަރިއެއްނޫން، އެކަމަކު އޭނާ އަހަންނަށްވުރެ ވެސް ޝީރީންދެކެ ލޯބިވޭ… އަހަރެން ބޭނުމެއްނޫން ލަމްޔާއަށް ޝީރީން ރޮނިކޮށް ފެންނާކަށް… ދެން ހުއްޓާލާ…” ލަބީބުގެ ހިތަށް އަސަރުތަކެއް ކުރިކަން ޔަޤީނެވެ. އޭނާއަށް ޒީވާގެ ނަން އަޑުއިވުމުން މިފަހަރު ރުޅިއެއް ނާދެއެވެ. އޭގެ ބަދަލުގައި ހީވީ ހަށިގަނޑަށް ވޭނެއް ލިބުނު ހެންނެވެ.

“ލަބީބު… ޒީވާ ގެޔަށް ގެނެސްދީ…” ދެލޯ ފުހެލި ޝީރީން އަނެއްކާ ވެސް ބުންޏެވެ.

“އަހަރެން ތިކަމާ ވިސްނާނަން، މިރޭ ފަހުން ދެން ތި ވާހަކަ ދައްކާނީ… އަންނާނަން އަށެއްގެ ޚަބަރު ބަލާލާފައި” ލަބީބު ތެދުވެ ޝީރީންގެ ބުރަކަށީގައި ފިރުމާލަފައި ބަދިގެ ތެރެއިން ނިކުމެގެން ދިޔައެވެ. ޝީރީނަށް ލަބީބުގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

ރޭގަނޑުގެ ކެއުން ނިންމާފައި ތަށިތައްނަގައި ހަދާފައި ޝީރީން ވަނީ ރީމް އާއި ރުވާގެ ކޮޓަރިއަށެވެ. އެދެބެން ނިދަން ތައްޔާރުވެއްޖެތޯ ބެލުމަށެވެ. ޝީރީން ވަންތަން ފެނިފައި ދެބެން ދިޔައީ ސިއްސައިގެންނެވެ. ޝީރީނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ކީއްކުރަނީ؟” އެނދުގައި ދެފައިވަށްކޮށްލައިގެން ތިބި ދެކުދިންނަށް ޝީރީން ބުންޏެވެ. އެހިނދު ރީމް ވަރަށް މަޑުމަޑުން ކަހަލަ ގޮތަކަށް ޝީރީނަށް ގޮވާލިއެވެ.

“ކިހިނެއްވީ؟ ހާދަ ސިއްރުސިއްރުން ތިއުޅެނީ” ޝީރީން އައިސް އެނދުގައި އިށީނދެލަމުން ބުނެލިއެވެ.

“މަންމާ، ތުއްތަ ދެން ނާންނާނެތަ؟ ކީއްވެތަ ތުއްތަ މިގޭން ފޮނުވާލީ، ތުއްތަ ބުނި އަދި އަންނާނަމޭ، އެކަމަކު ރީމްއަކަށް ޤަބޫލެއް ނުކުރެވޭ ދެން ތުއްތަ މިގެއަށް އަންނާނެހެން، ބައްޕަ ދޯ ތުއްތަ ފޮނުވާލީ މިގެއިން…” ވަރަށް ސިއްރުން ރީމް ވާހަކަދެއްކިއެވެ.

“ވަރަށް މިސްވޭ ތުއްތަ ނެތީމަ…” މަޑުމަޑުން އިނދެފައި ރުވާ ބުނެލިއެވެ. ޝީރީން ލޯބިން ދެބެންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

“ތުއްތަ އަދި އަންނާނެ، ކުޑަދުވަސްކޮޅަކަށް އެހެން ގެއަކު ހުރެލަން ގޮސްވީ، ބައްޕަ ބުނި ވަރަށް އަވަހަށް ތުއްތަ ބަލާ ދާނަމޯ، ދެން އަވަހަށް ނިދަން އުޅޭ، ފަތިސް ނަމާދަށް ހޭލެވޭނީ އޭރުން، ރީމް، ދަރިފުޅު އޭސީގެ ފިނި އެހާ ގަދަ ނުކުރައްޗޭ، މިހާރު ވެސް ތިހިރީ ރޯގާ ވައްތަރުވެފައި… ބޭސްކައިގެން އޮށޯންނާނީ… އޭރުން އިރާދަކުރެއްވިއްޔާ ހަމަޖެހިލައިގެން ނިދިދާނެ” ޝީރީން އޯގާތެރިކަމާއެކު ރީމް އާއި ރުވާގެ ހިތްހަމަޖައްސާލަދީފައި ކޮޓަރިން ނިކުތެވެ. ނަމަވެސް އޭނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރެއް ނުފެނެއެވެ. ޒީވާއާ މެދު އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ޒީވާ ވީތަނެއް ނޭނގި އެކުއްޖާ އުޅޭ ހާލެއް ވެސް މިއަދު ޝީރީނަށް ނޭނގެއެވެ. ދަރިއަކާއިމެދު ނުވިސްނާ މަޔަކަށް ހުރުމަކީ ކުޅަދާނަކަމެއްނޫނެވެ. އަދި ޚާއްޞަކޮށް ދުރުގައި ހުންނަ ކުއްޖާއާމެދުއެވެ.

ނިދަން އޮށޯވެ އޮތެއްކަމަކު ޝީރީންގެ ލޮލާއި ނިދި މިހާރު ވަރަށް ދުރެވެ. ކޮންމެ ރެއަކު ވެސް އޭނާއަށް ނިދެނީ އެހެންއޮންނަތާ އެތައް އިރެއް ފަހުންނެވެ. ލަބީބު ބޭރުގައި އުޅެފައި އައިސް ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލިއެވެ. އެނދުގައި އޭނާ އައިސް އޮށޯތުމާއިއެކު ޝީރީން އޭނާއާ ދިމާލަށް އެނބުރިލިއެވެ. ހީވަނީ ލަބީބުއާ ވާހަކަދައްކަން ބޭނުންވެފައި އޮތްހެނެވެ.

“މިރޭ ވެސް ހޭލާތަ؟ ފޮތެއް ކިޔާލަނިކޮށް ނިދިއަތުވެދާނެ…” ލަބީބު ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި ރަޖާގަނޑު ގެނެސް ގައިމަތިން އަޅާލަމުން އެނދުގައި ހަމަޖެހިލިއެވެ.

“ލަބީބަށް ނިދުނަސް އަހަންނަށް ނިދާކަށް އެހާ ފަސޭހައެއްނޫން، އަހަރެންގެ ހިތަކަށް ކުޅަދާނައެއްނުވޭ މިހެން އުޅޭކަށް” ޝީރީން ބުނަން އެ އުޅެނީ ކީކޭކަން ލަބީބަށް ވިސްނުނެވެ.

“ޝީރީން، އެ ދުވަހަކު އަހަރެން ކިތަންމެ ރުޅި އައިސްފައި ހުއްޓެއްކަމަކު ޝީރީން އެ ދަރިފުޅު މަގުމަތީ ގިނަވިޔަކަ ނުދިނިން، އަހަންނަށް އެނގޭ ޒީވާ އުޅެނީ މަގުމަތީގައި ނޫންކަން، ޝީރީން އޭނާ ގެންގޮސް ކޮންމެވެސް ތަނަކަށް ލާފަކަން ވީ، ޒީވާ އެކުރީ ވަރަށް ވިޔާނުދާކަމެއް، ދަރިއެއްވީމަ ކިތަންމެހާ ވެސް ދެރަވޭ… އެކަމަކު އެންމެ ދަރިއެއްގެ ސަބަބުން ދެން ތިބި ކުދިން އެ މަގުން ހިނގައިދާނޭތީ އަހަރެން ބިރުގަންނަނީ، އެއްފަހަރު ވިޔަސް މަސްތުވާތަކެތި ބޭނުންކޮށްފިއްޔާ ދެން އެކަމާ ދުރަށްދެވުނީ ކާކަށް، ޒީވާ ގެއަށް ގެނައިމަ އޭނާ ބޭނުންވާ މިނިވަންކަން އޮންނާނީ ދެވިފައި…” ލަބީބު ޝީރީނަށް ބަލާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *