THIYAEE MAGEY MITHURAA EY [EP: 06]

ޝީރީން މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކޮޓަރިއާ ދިމާލަށް ދުއްވައިގަތް ރީމް އާއި ރުވާއަށެވެ. އޭރު އެއްފަރާތުގައި ކަންބޮޑުވެފައި ހުރެ މަންމަ އާއި ބައްޕައަށް ލަމްޔާ ބަލަމުންދިޔައެވެ. އެމީހުން ޒީވާއަށް ހަދާނެގޮތެއް ކިޔާނެ އެއްޗެއް ނޭނގޭތީއެވެ. ޔަޤީނުންވެސް ލަބީބު އެހުރީ ރުޅި އައިސް ރަތްވެފައެވެ. ހަޝަމްބަދަލައިގެން ހުރެ ޒީވާއަށް ބަލަމުން ދިޔައިރު ލަބީބުގެ ނުރުހުން އިންތިހާއަށް ހިނގައިދާނޭތީ އެއްޗެއް ނުބުނަން ހުރިއްޔޭ ވެސް ހީވެއެވެ.

“އެއްޗެއް ކާންވީނު” ހަގު ދެބެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމާއެކު ޝީރީން، ޒީވާއަށް ބަލާލާފައި ބުނެލިއެވެ. އިސްޖެހިފައި ހުރެ ޒީވާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ “ނޫނެކޭ” ބުނުމަށެވެ.

“ޒީވާއަށް އެނގޭތަ ކުރެވިގެން ތިއުޅެނީ ކިހާވަރުގެ ކަމެއްކަން؟ ކޮލެޖުން ގުޅާފައި ޒީވާ ކިޔެވުން ހުއްޓާލީތޯ އެހުމުން ބައްޕަ އެހުރީ ޒީވާ ކޯހުން ކަނޑާލައިގެން، ޒީވާ ތިހެން ކަންތައްތިކުރީ ކީއްވެކަން މަންމައަށް ބުނެދީބަލަ؟ ކޮންކަމެއް ނުކޮށްދެވުނީ؟ ވިޔާނުދާ ކުދިންނާ ނުގުޅޭށޭ އަބަދު ނަސޭހަތްދެން، އެކަމަކު ތިކަންފަތަށް އެއިން އެއްވެސް އަޑެއް އިވުނުތަ؟” ދަރިންނައިގެން އެހާވަރުން އުޅޭ ޝީރީންގެ ފަރާތުން ހަރުކަށިކަމެއް ޒީވާއަށް ދުވަހަކުވެސް ފެނިފައެއްނުވެއެވެ. އެހެންވެ ޝީރީން ހަރުކަށިކޮށް ވާހަކަދެއްކުމީ ޒީވާ އިތުރަށް ޖެހިލުންވެ ހާސްވިކަމެކެވެ.

“އަހަރެންގެ ޒީވާކިޔާ ދަރިއަކު ނުހުންނާނެ، ތިވައްތަރަށް އުޅެފައި އައިސް މިގެއަށް ޒީވާއަށް ވަންނަންކެރުނުތަ؟ ޝީރީން، އަހަރެންގެ ހިޔާވަހިކަމުގެ ދަށުގައި މިއަދުން ފެށިގެން ތިބޭނީ އެންމެ ތިން ދަރިން، ޒީވާއަށް މިގެއަކުން އެއްވެސް ޖާހަގައެއްނެތް، އޭނާގެ އެއްޗެހި ހިފައިގެން މިގެއިން ނުކުންނާށޭ ބުނޭ” ދަތްކުނޑިވިކާލަމުން ދެލޯމަރާލި ލަބީބު އެންމެނަށް ފުރަގަސްދެމުން ބުނެލިއެވެ. ކިތަންމެ ނުރުހުންވެ ރުޅިއައިސްފައި ހުއްޓެއްކަމަކު ލަބީބުގެ ނިންމުން އިވިފައި ޝީރީން ހައިރާންވިއެވެ. އެއްފަހަރު ޒީވާއަށް އަނެއްފަހަރު ލަބީބަށް ބަލާލާފައި ޝީރީނަށް ދެން ބަލާލެވުނީ އެތަނުގައި ހުރި ލަމްޔާއަށެވެ.

“ބައްޕާ…” ކުރިއަށް ފިޔަވަޅު އަޅާލި ލަމްޔާ އަވަސްވެގަތީ ބައްޕަގެ ނިންމުން ބަދަލުކުރެވޭތޯއެވެ. އެހިނދު އެމީހުނާ ދިމާލަށް އެނބުރިލި ލަބީބު އެއްއަތް ލަމްޔާއަށް ދިއްކޮށްލީ އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހަން އޭނާ ބޭނުންނުވާކަން ހާމަކުރުމުގެ ގޮތުންނެވެ. ވަގުތުން ކަންބޮޑުވެފައި ލަމްޔާއަށް ޝީރީނަށް ބަލާލެވުނެވެ. އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރި ޒީވާ މަޑުމަޑުން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ޒީވާ!…. ކޮންތާކަށް” ހާސްވެފައި ހުރެ ޝީރީނަށް ތަންކޮޅެއް ބާރަށް ގޮވާލެވުނެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ ޒިވާ އައިގޮތަށް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ފަހަތުން ލައްޕާލެވުނު ދޮރާއެކު ޒީވާ އޭނާގެ ފޮށިނެގިއެވެ. މިއޮއްބޮޑު ދުނިޔޭގައި އޭނާ ދާނެ އެއްވެސް ތަނެއްނެތެވެ. އެހެންނަމަވެސް ދިފާއުގައި އޭނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫނެވެ. ހިފެހެއްޓުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ރޮނގުތަކުން ދެކޯތާފަތް ތެމިއްޖެއެވެ. އަލަމާރި ކައިރީ ހުޅުވާލާފައި ބެހެއްޓި ފޮށްޓަށް އެއްވެސް ތަރުތީބެއްނެތި އަންނައުނުތައް އަޅަންފެށިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަށް މަޑުޖެހުނެވެ. އެއްއަތް އަލަމާރީގައި ވިއްދާލުމާއެކު މޭގައި އަތްއަޅާލެވުނެވެ. ނުރޯން ކުރަމުންދިޔަ މަސައްކަތް މުޅިން ބޭކާރުވިއެވެ. އެނދުގެ ފައިލާކޮޅުގައި ޓައިލްސްތައްމަތީ އިށީނދެވުމާއެކު ޒީވާއަށް ބާރަށް ރޮވިއްޖެއެވެ. މަންމަ އާއި ބައްޕަ މިއަދު އޭނާއަށް ކޮންމެފަދަ އަދަބެއް ދިންކަމުގައި ވިޔަސް އޭނާ އެއިނީ އުފަލުން އެކަން ޤަބޫލުކުރާށެވެ. ޚުދު އަމިއްލަ ޟަމީރަށް ވެސް ވިސްނޭގޮތުގައި އޭނާއަށް ކުރެވުނީ މާފު ހައްޤުނުވާނޭވަރުގެ ކުށެކެވެ. ދަރިންކުރާ ކޮންމެކަމަކާ މައިންބަފައިންގެ ނަމާ ޝަރަފާ ނުގުޅިއެއް ނުދާނެއެވެ. ދުވަހަކުވެސް ހިތުގައި ނުޖެހޭވަރަށް މިއަދު ޒީވާ ހިތުގައި ޖެހި ލަދުގަނެއްޖެއެވެ.

“ލަބީބު، ކޮންތާކަށް އެމަންޖެ ގޮސްވަންނާނީ، ތިހެން ނުހަދާ، ޒީވާ އެކުރީ ވަރަށް ވިޔާނުދާކަމެއް، އެކަމަކު އެއީ އަހަރުމެންގެ ދަރިއެއްނޫންތަ؟ މިވަގުތު ތިހިރީ ވަރަށް ރުޅި އައިސްފައިކަން އަހަންނަށް އެނގޭ، ޚުދު އަހަރެން ވެސް މިހިރީ ޒީވާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، އެކަމަކު ގެއިން ނެރެ އެއްލާލުމީ ކުރާވަރުކަމެއްނޫނެންނު، އަހަރުމެންގެ ލޯމަތިން ގެއްލުމުން ދެން ނުހުންނާނެ އޭނާއަށް ނަސޭހަތެއްދޭނޭ މީހަކު ވެސް” ކުއްލިއަކަށް ޝީރީންގެ އަޑާއި ރާގު ބަދަލުވެއްޖެއެވެ. އޭނާ ލަބީބުގެ ނިންމުމާމެދު ކަންބޮޑުވެއެވެ.

“އޭނާ ނުވާނެ ރަނގަޅެއް، މިގޭގައި ބަހައްޓައިފިއްޔާ ދެން މިތިބަ ކުދިން ހަލާކުވެދާނީ، ވަކިން ކޮޓަރިއާ އެއްޗެހި ނުލިބިގެން އުޅުނީ އޭނާ ބޭނުންހާ ނާޗަރަންގީއެއް ނުނެގޭތީ، މިހާރު ވަރަށް ތާހިރެންނު، ލަދުން ގޮސް މަރުވާވަރުވެއްޖެ، ބުނަން ޝީރީން، އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް އޭނާ އުޅޭނެ ތަނަކަށް އުޅެން ދޫކޮށްލާ، ރަނގަޅު މީހުނާއި ހެޔޮ ގޮތް އޮތީމާތާ އެހެން އުޅޭނީ، ލަމްޔާ ވެސް މިކަމުގެ ތެރެއަށް ވަދެގެންނުވާނެ، ޒީވާއާ އަނގައިން ބުނެގެންވެސް ނުވާނެ، މިވަގުތުން ފެށިގެން މިއީ އޭނާގެ ގެއެއްނޫން، ވިޔާނުދާކަމުގެ ހައްދުފަހަނަ އަޅާފައި އޭނާ މިހާރު އެހުރީ، ތި އަކްމަލްއެއް އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި، ކިހިނެއް އެނގޭނީ ހެޔޮކަމެއް ކޮށްދިނުމުގެ ހަގު އޭނާ ނަގާނީ މިގޮތަށްކަމެއް” ރުޅި އައިސްފައި ހުރިވަރުން ލަބީބުގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

“ހެޔޮނުވާނެ ލަބީބު، ކީކޭތަ ތިކިޔަނީ، ޒީވާއަކީ އަހަރިމެން ދެމީހުންގެ ދަރިއެއް، އޭނާ ރަނގަޅުކޮށް އިސްލާހުގެ މަގަށް ގެނެވޭނީ ވެސް އަހަރުމެން ދެމީހުންނަކަށް ނޫންތަ؟ ރުޅި އައިސްފައި ހުރެ ތިވަރުގެ ނިންމުމެއް ނުނިންމާ” ޝީރީން އައިސް ލަބީބުގެ އަތުގައި ހިފާލީ އާދޭސްކުރާފަދަ ގޮތަކަށެވެ. އެހެންނަމަވެސް އެއަތް ފޮޅުވާލުމާއެކު ލަބީބު ހިނގައިގަތީ ގެއިން ނުކުތުމަށެވެ.

“އަހަރެން އެނބުރި އަންނަން ވާއިރަށް އޭނާ މިގެއިން ނެރެންޖެހޭނެ، އެހެންނޫނީ އޭނާގެ އަތުގައި ހިފާ މިގެއިން ނެރެ ބޭރުކޮށްލާނީ ޚުދު އަހަރެން” ސިޓިން ރޫމު ދޮރުން ނުކުމެފައި ވެސް ފަސްއެނބުރި ޝީރީނަށް ބަލާލަމުން ލަބީބު ބުނެލިއެވެ. އަދި ހަލުވިކޮށް ހިނގާފައި ގޮސް ދޮރޯށިން ނުކުމެ ބަންކިޔާފައި ދޮރޯށި ޖަހައިފިއެވެ.

“މަންމާ، ޒީވް ބޭރުކޮށްލާކަށް ނުވާނެއެންނު” ލަބީބު ދިއުމުން ލަމްޔާއަށް އަނގައިން ބުނާނޭ ހިތްވަރެއް ލިބުނެވެ.

“ދަރިފުޅުގެ ބައްޕަގެ ގޮތް އެނގެއެންނު، އެހެންނޫނަސް މިވަރަށް ރުޅި އައިސްފައި ހުއްޓާ ދުވަހަކު ވެސް ކަލޭމެން ކުދިން ދެކުނިންތަ؟ މަންމަ ވެސް ނުދެކެން ލަބީބުގެ އެ ސިފައެއް، ހަދާނެގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ، ޒީވާގެ ސަބަބުން މި ދިމާވަނީ ކިހާ ދެރަކަންތައްތައް” ބޮލުގައި ހިފަހައްޓާލަމުން ޝީރީން ސޯފާގައި އިށީނެވެ.

ސޯފާގައި އަތުކުރީ އޮތް ގަޑިއަށް ބަލާލަބަލާލާ އިން ވާފިރުގެ މޫނުމަތިން ހިތްހަމަޖެހުން ފެނިގެން ދިޔައީ ސިޓިން ރޫމު ދޮރުން ވަން އަކްމަލް ފެނިފައެވެ. ފުލުހުންގެ މީހާއާ ވާހަކަދައްކާފައި ވާފިރު އަންނަންވާއިރަށް ދުވެފައި ސިޑިން އެރި އަކްމަލް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެކަކާވެސް ވާހަކަދައްކަން އޭނާ ބޭނުންނުވާކަހަލައެވެ. ބަދިގެ ދޮރުމަތީ ނަބީހާ އެ ހުރިހާ މަންޒަރެއް ބަލަންހުއްޓެވެ. އަކްމަލް ދޫކޮށްލީކަން ނަބީހާއަށް ވެސް އެނގެއެވެ. އަނެއްކޮޅުން އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ހަފްތާއެއް ވަންދެން ވާފިރު ގެއަށް ނައިސް އުޅުނީ ކޮންތާކުކަމެއް ނޭނގޭތީއެވެ. އެކަމާ ސުވާލުކޮށްކޮށް ނަބީހާ ވަރުބަލިވިއިރު ވެސް ވާފިރު އެ ސުވާލަށް ޖަވާބެއް ދޭކަށް ބޭނުމެއްނޫނެވެ. މޫޑު ގޯސްވެފައި ހުރުމުން އަކްމަލް އާއި ކުރިމަތިލާން އޭނާ ވެސް ހުރީ ބޭނުންނުވެފައެވެ. އެހެންވެ އަކްމަލްއަށް މަރުޙަބާ ކިޔާނެ މީހަކަށް ޢާއިލާގައި ހުރީ ހަމައެކަނި ވާފިރެވެ.

“ދަރިފުޅާ…” އަކްމަލްގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު ވާފިރު ދޮރު ހުޅުވާލިއެވެ. އެނދުގައި އިށީނދެލައިގެން ދެކަކުލުގައި އަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އިން އަކްމަލު ތެދުވިއެވެ.

“ކިހިނެއްވެފައި ތިއިނީ؟ ހިނގާ ކާން، މެންދުރު ގެއަށް ގެންނާނެ ވާހަކަ ބުނީމަ ބައްޕަ މިހިރީ ދަރިފުޅާއެކު ކާންވެގެން” ވާފިރު ބުނެލިއެވެ.

“ކާހިތެއްނެތް، އިހަށް ބޭނުންވަނީ ކުޑަކޮށް އަރާމުކޮށްލަން” އަކްމަލް ބުނެލިއެވެ. އާދަޔާ ޚިލާފު ހަމަހިމޭންކަމެއް އަކްމަލްގެ ގައިގާ ހުރިކަން ވާފިރަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެކަން މާބޮޑުކަމަކަށް ނަހަދާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ވާފިރު އެކޮޓަރިން ނިކުތެވެ. އެއާއެކު އަކްމަލް އައިސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އެކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ހުރިހާ އެއްޗެއް ވަނީ ތަރުތީބުކޮށް އެކޮޓަރިތެރެ ސާފުކޮށްފައެވެ. އެހެންނަމަވެސް އަކްމަލްއަށް ވީގޮތެއް ނޭނގުނެވެ. އޭނާ އައިގޮތަށް އައިސް އެނދުގައި އޮތް ރަޖާގަނޑާ ބެޑްޝީޓާއެއްޗެހި ނަގާ އެތަންމިތަން ފާސްކުރަން ފެށިއެވެ. އޭނާގެ މަސައްކަތް ނިމުނު އިރު ނުބަލާ އެއްތަނެއް ވެސް ނެތެވެ. ފާޚާނާގެ ފްލޭޝް ޓޭންކަށް ދަންދެން މަތިހިއްލައިގެން އޭނާ ބެލިއެވެ. އޭނާ އެކަކަށް ވެސް ދެނެއް އިތުބާރެއް ނުކުރާނެއެވެ. އަލަމާރީގައި ލައްގަނެގެން ޓައިލްސްތަކުމަތީ އަކްމަލް އިށީނުމާއިއެކު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ދެލޯ މަރާލައިގެން އިރުގަނޑު އޭނާ އެހެން އިނެވެ. މީހާއަށް ބަދަލުތަކެއްވަނީ އައިސްފައެވެ. މަރާލާފައިވާ ދެލޮލުގެ އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ އަސަރު ފާއްދާލިއެވެ. އެއާއެކު އަވަސްއަވަހަށް އަތުގެ ނުފުށުން އަކްމަލްގެ ދެލޯ ފޮހެލައިފިއެވެ. ހަމައެއާއެކު އޭނާގެ ދެބުމަ ކައިރިވެގެންދިޔައެވެ. ހުޅުވާލިދެލޮލުގައިވަނީ ރުޅި އާއި ނަފުރަތުގެ އަސަރެވެ. އިންތަނުން ފުންމައިގެން ތެދުވިގޮތަށް އޭނާ ކޮޓަރިން ނުކުތެވެ. ހަލުވިކޮށް ހިނގާފައި އައިސް އަދީލުގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލިއިރު ދޮރުހުރީ ތަޅުލާފައެވެ. މިގަޑީގައި އަދީލު ގޭގައި ނޫޅެނީކަން އަކްމަލްއަށް ވިސްނުނެވެ. ނަމަވެސް އައިސްފައި ހުރި ރުޅި ފިނިވާގޮތެއްނުވިއެވެ. ބޭނުންވީ ކޮންމެވެސް އެއްޗެއް ސުންނާފަތިކޮށްލާށެވެ. އަތުން ފައިން ގޯހެއް ހެދިދާނޭތީ އަކްމަލް ނުކުތީ ގެއިން ވެސް ބޭރަށެވެ.

ބޯމަތީގައި ހުރި އިރުން ވާހޫނުގެ ގަދަކަމުން ހިނގަމުންދިޔަ އަކްމަލްގެ ބޮލުގެތެރެއިން ނިތްކުރިމައްޗަށާއި ކަނދުރާއަށް ދާތިކިތައް ފައިބަމުންދިޔައެވެ. ދޭތެރެއަކުން އަތުން ނިތްކުރި ފޮހެލައެވެ. ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހައިގެން ހުރެ އޭނާ އައިސް އިށީނީ އާޓިފިޝަލް ބީޗުގައި ޖަހާފައި ހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައެވެ. ކައިރީގައި ހުރި އިމާރާތަކުން ކޮންމެވެސް ވަރެއްގެ ހިޔާކަމެއް އެޅިފައި ހުރި އެގޮނޑީގައި އަކްމަލް އިށީނދެލައިގެން އިންއިރު އެހިސާބުގައި މީހުން ވަރަށް މަދެވެ. ކުރިމަތިން ފެންނަން އޮތް މޫދު އޮތީ ފަޅަށެވެ. އެނގުންނުވާހާ މަޑުވައިރޯޅިތަކާއެކު ލޮނުގަނޑުގައި އޮއެގެ އަސަރު ހުރީ ވަރަށް ކުޑަކޮށެވެ. އަކްމަލްގެ ނަޒަރު އެއްދިމާލަށް ހުއްޓާލައިގެން އިންއިރު އޭނާގެ ސިކުނޑީގައި މިހާރުވަނީ ޒީވާގެ ޚިޔާލުތަކެވެ. ލަބީބުގެ ލޮލުގައި ހުރި ރުޅިވެރިކަމާއި ނަފުރަތުގެ ކުލަވަރެވެ. އޭނާގެ ސަބަބުން ޒީވާގެ އަބުރާ އިއްޒަތް މުޅިން ގެއްލިގެން ދިއުމުން އެކަމާވީ ދެރައެވެ. ޒީވާގެ ގާތުން މާފަށް އެދެން އެކަމްލަ ބޭނުމެވެ. އެހެންނަމަވެސް ކޮންދުލަކުން ކަމެއް އޭނާއަކަށް ނޭނގުނެވެ. ލޯތްބަކީ އަނެކާއަށް ތިމާގެ ފުށުން ގެއްލުމެއް ލިބުމެއްނޫނެވެ. އަކްމަލްގެ ސަބަބުން ޒީވާއަށް ލިބުނީ އުފަލެއްނޫންކަން އޭނާއަށް ޤަބޫލުކުރެވުނެވެ. ހަޔާތަށް އަލުން ޒީވާ ގެންނަން ބޭނުންވިޔަސް އެކަމާ އަކްމަލްގެ ޚިޔާލު ތަފާތުވެއެވެ. ދެވަނަ ފަހަރަށް އޭނާގެ ސަބަބުން ޒީވާއަށް ދެރައެއްލިބޭކަށް އޭނާ ނޭދެއެވެ. ސިކުނޑި ހާސްވަމުންދިޔައިރު އަކްމަލް ބޭނުންވާގޮތަށް އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. އަލުން ޒީވާގެ ގާތުގައި ލޯބިވާވަރު ހާމަކުރަން އޭނާ ވަނީ ފަސްޖެހިފައެވެ. އެތައް އިރަކު އަކްމަލް ވިސްނަން އިނެވެ. ހައިހޫނުކަމެއް ވަރުބަލިކަމެއް އޭނާއަށް އިޙްސާސެއްނުވެއެވެ. ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. ހިޔާއަރަމުން ދިޔަވަރަކަށް މަޑުމަޑުން މީހުން ވެސް ގިނަވާން ފަށައިފިއެވެ. މޫދަށް އެރެން އަންނަ މީހުންތަކާއި ކައިރީގައި ހުރި ރެސްޓޯރެންޓުތަކާއި ކެފޭތަކަށް އަންނަ މީހުންނެވެ. އެކަނިވެލަން ބޭނުންވެފައި އިން އަކްމަލްއަށް އެކަމުން އުނދަގޫވިއެވެ. އެހެންވެ އިންތަނުން ތެދުވެގެން ލަސްހިނގުމެއްގައި ގެއާ ދިމާލަށް އައެވެ.

ޝީރީން އައިސް ޒީވާގެ ކޮޓަރީގައި ޓަކިޖަހަން އުޅެފައި ވެސް މަޑުމަޑުން ދޮރުހުޅުވާލިއެވެ. ކޮޓަރީގެ ހަތަރުފާރުގައި ހަރުލާފައިވަނީ ދަރިފުޅުގެ ގިސްލުމުގެ އަޑެވެ. ވަގުތުން ޝީރީންގެ ހިތް ކުދިކުދިވިކަހަލައެވެ. އައިސްފައި ހުރި ރުޅީގެ މައްޗަށް މައިވަންތަކަމުގެ ކުލުނު ގަދަވެގަތެވެ. އަލަމާރި ކައިރީ ހުޅުވާފައި ހުރި ފޮއްޓާއި އެނދުގެ ފައިލާކޮޅުގައި ރޯން އިން ޒީވާ ޝީރީންގެ ލޮލުގައި އަޅައިގަތެވެ. ޖޯޑުކޮށްލެވުނު ދެއަތް ގެނެސް މޭގައި ޖައްސާލުމާއެކު ޝީރީނަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ.

“މަންމަ ހީކުރަން ދަރިފުޅު ތިރޮނީ ކުރެވުނު ކަންތަކާ ދެރަވެގެން ކަމަށް” އޯގާތެރިކަމާއެކު ޒީވާގެ ގާތަށް އައި ޝީރީން ބުނެލިއެވެ. އެއަޑު އިވުމާއެކު ޒީވާއަށް މާބޮޑަށް ރޮވިއްޖެއެވެ.

“މަންމާ، މީ މަންމަ އާއި ބައްޕަގެ ބަސްއަހާ ޒީވާއޭ، އަހަރެން ގޯސްކަމެއްނުކުރަން…” ކުރިއަށްވުރެ ބޮޑަށް ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލި ޒީވާގެ ހިތަށް އެރިއެވެ. ޝީރީން އައިސް ގުދުވެލަމުން ޒީވާގެ ބޮލުގައި ފިރުމާލީ ދަރިފުޅު ރޯތަން ދެކެން އޭނާ ބޭނުންނުވާތީއެވެ. ހީނހީނފައި ޝަކުވާކުރަމުން ގޭތެރޭގައި އުޅޭ ޒީވާއަކީ ރޯކުއްޖެއްނޫނެވެ. އެހެންނަމަވެސް މިއަދު އެދަރިފުޅު ރޯއަޑުއިވުމުން، ކޮންމެވެސް ކަމަކާ އެ ދަރިފުޅުގެ ހިތުގައި ޖެހިއްޖެކަން ޝީރީނަށް އެނގުނެވެ. ޒީވާގެ ކޮނޑުގައި ހިފާ ކޮޅަށް ނަގަން އުޅެނިކޮށް ޒީވާ ވެއްޓިގަތީ ޝީރީންގެ ދެބައިބުޑަށެވެ. މަންމަގެ ދެފައިތިލައިގައި ދެއަތުން ހިފަހައްޓާލަމުން ޒީވާ ރޮމުންދިޔައިރު، ޝީރީނުގެ ފައިތިލައަށް ވެއްޓެމުންދިޔަ ޒީވާގެ ކޮންމެ ކަރުނަތިއްކަކުން އޭނާގެ ހިތް ރޯލިއެވެ.

“ޒީވާ…” ޝީރީން، ދަރިފުޅަށް ގޮވާލުމާއެކު، ޒީވާގެ އަތުގެ ދެފަރާތުގައި ހިފާ ކޮޅަށްނަގާފައި ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެއާއެކު ޒީވާ، ޝީރީނުގެ ގައިގާ އޮޅުލައިގަތެވެ.

“ސޮރީ މަންމާ… ވަރަށް ބޮޑަށް ސޮރީ…” ޒީވާ ރޮމުން ގިސްލަމުން ވާހަކަދެއްކޭތޯ އުޅުނެވެ. އޭނާގެ ބޮލުގައި ފިރުމަމުންދިޔަ ޝީރީން އެދެމުންދިޔައީ ނުރޮއެހުއްޓާލުމަށެވެ. އެހެންނަމަވެސް ޒީވާއަށް އެކަމެއްނުވިއެވެ. އޭނާ ދެރަވެ ހިތުގައި ޖެހިފައި ހުރިވަރުންނެވެ. މައިންބަފައިންގެ ހިތުގައިޖެއްސުނީތީއެވެ. އެންމެންގެ ކުރިމަތީ ޒީވާގެ އަގުވެއްޓުނީތީއެވެ. މިހުރިހާ ކަމަކީ އޭނާ ގަސްދުގައި ލިބިގަތްކަންތައްތަކެއްނޫނެވެ.

“ދެން ހުއްޓާލާ، ދަރިފުޅަށް މަގުއޮޅުނީތީ މަންމަ ހިތާމަކުރަން، އެކަމަކު ދެން ވިސްނަންވީ ޢަމަލުތައް ރަނގަޅުކުރެވޭތޯ، ހެޔޮމަގުން ކުރިއަށްދެވޭތޯ، ބައްޕަ އެހެން ވާހަކަދެއްކިޔަސް، ރުޅިމަޑުވީމާ ޚިޔާލު ބަދަލުވެދާނެ، ދަރިފުޅާ ޒީވާ، ބައްޕަ ގާތުން މާފަށް އެދޭ، ދެން ދުވަހަކު ވެސް އެފަދަ ވިޔާނުދާ ކަމެއް ނުކުރާނަންކަމަށް ވަޢުދުވޭ، އަދި ކައިވެނިކުރަން ތިއުޅޭ ކުއްޖާއާ މުޅިންހެން ދުރުވޭ، އެގުޅުމަކީ ދަރިފުޅަށް ތިހުރިހާ ބޮޑިއެއްލިބުމުގެ އަސްލު… އެއީ އެއްގޮތަކަށް ވެސް ރަނގަޅު މީހެއްނޫން، އެހެންނޫނީ ދަރިފުޅަށް މަގުއޮޅުވައެއްނުލާނެ، ޒީވާ ވިސްނާލަބަލަ، މިއަދު ޒީވާގެ އަބުރާއި އިއްޒަތް ގެއްލިގެން މި ދިޔައީ އެމީހާގެ ސަބަބުން، އޭނާގެ ވަސްވާހުގައި ޖެހުމުގެ ސަބަބުން، މާފަށް އެދުމަކުން ހަމައެކަނި ނިމުނީއެއްނޫން، ދަރިފުޅުގެ އުޅުން ބަދަލުވާންޖެހޭނެ، ރަނގަޅު ކުއްޖަކަށްވާންޖެހޭނެ…. ދެން ނުރޮއެހުއްޓާލާ، ދޭ ފާޚާނާ ވަދެ މޫނު ދޮވެ ހަދައިގެން ނުކުންނަން، އަދި ތިހިރީ އެއްވެސް އެއްޗެއް ނުވެސް ކައި، ހިނގާ މަންމައާއެކު ކާން” ޝީރީންގެ ވާހަކައިން ޒީވާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭކަހަލައެވެ. އޭނާ ޝީރީނުގެ ގައިން ދުލެއްނުކުރިއެވެ. ޝީރީނު ވެސް ދަރިފުޅު ކޮށްޕާ ދުރަށްލާކަށް ނޫޅެއެވެ. ޒީވާގެ ބޮލާއި ބުރަކަށީގައި ފިރުމާލަ ފިރުމާލާ ހުރީއެވެ.

“އަހަންނަށް ނުކެރޭނެ ނުކުންނާކަށް” އިރުގަނޑަކު ރުއިމަށްފަހު މަޑުމަޑުން ރުއިން ހުއްޓާލި ޒީވާ، ޝީރީނާ ދުރަށް ޖެހިލަމުން ބުނެލިއެވެ. އޭރު ޝީރީނުގެ ކޮނޑުމަތިން ތަންގަނޑެއް ތެމިފައި ހުއްޓެވެ.

“އެއީ ކީއްވެ ނުކެރޭންވީ، މިގޭގައި ދުރުމީހަކު ނޫޅެއެންނު، މިވަގުތު ބައްޕަ ވެސް ނެތް ގެއަކު” ޝީރީން އޯގާތެރިކަމާއެކު ޒީވާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލަމުން ބުނެލިއެވެ.

“އެންމެނާ ކުރިމަތިލާކަށް ދެން ނުކެރޭނެ” ޒީވާ އަނެއްކާ ވެސް ބުނެލިއެވެ. އޭނާ ބުނަން އެއުޅެނީ ކީކޭކަން ޝީރީނަށް ވިސްނުނީ ދެނެވެ. ކަންތައްވީގޮތުން ޢާއިލާގެ މީހުންގެ ކުރިމައްޗަށް އަރަން ޒީވާ ލަދުގަންނަނީއެވެ. އެއީ ވެސް ރަނގަޅު ސިފައެއްކަމުގައި ޝީރީން ދުއްޓެވެ.

“ޒީވާ، ތިކަހަލަ ވާހަކަނުދައްކާ މަންމައާއެކު ހިނގާ، އެންމެން ވެސް ބޭނުންވަނީ ޒީވާއަށް ހެޔޮވިސްނުން ލިބެން، މަސްތުވާތަކެތި ބޭނުންކުރުމަކީ ކިހާ ނުބައިކަމެއްކަން ދަރިފުޅަށް އެނގެއެންނު، މަންމައަށް އެނގޭ ދަރިފުޅު ނުބުންޏަސް އެ ފިރިހެންމީހާކަން ދަރިފުޅަށް އެފަދަ އެއްޗެހި ދިނީ، ދެން އެއްގޮތަކަށް ވެސް އެކަމާ ވިސްނާނެކަމެއްނެތް، ޒީވާ މަސައްކަތްކޮށްފިއްޔާ ތިކަމުން ސަލާމަތްވެވޭނެ، އެންމެންގެ އިތުބާރު ހޯދަން މަސައްކަތްކުރޭ” ޝީރީން ބެލީ ދަރިފުޅަށް ނަސޭހަތްދެވޭތޯއެވެ.

ފާޚާނާއަށް ވަން ޒީވާ އޭނާގެ މޫނަށް ލޯގަނޑުން ބަލާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން މޫނުމަތި ވަނީ ކުޑަކޮށް ރަތްވެ ދެލޯ ދުޅަވެފައެވެ. ލޯގަނޑަށް ނަޒަރު ހުއްޓިފައި ހުރިއިރު ޒީވާގެ ހިތާއި ސިކުނޑީގައިވަނީ އަކްމަލްގެ ޚިޔާލުތަކެވެ. މަންމަގެ ފަރާތުން އިވިގެން ދިޔަ ބަސްތަކުގައި އަކްމަލްއަކީ ކުށްވެރިއެކެވެ. ޒީވާއަށް ކުރިމަތިވި ހުރިހާ ކަމަކީ އަކްމަލްގެ ފުށުން އޭނާއަށް ދިމާވިކަންކަމެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އަކްމަލްއަށް ދެވިފައިވާ މަޤާމަށް ކުޑަވެސް ބަދަލެއްނާދެއެވެ. އަދިވެސް އެހިތުގައި އަކްމަލްއަށް ލޯބިވެއެވެ. އަކްމަލްގެ ކުށެއްނެތްކަން އޭނާއަށް އެނގެއެވެ. ނަމަވެސް މައިންބަފައިންގެ އުފަލަށްޓަކައި އޭނާ އަކްމަލްއާ ވަކިވާން ނިންމުމަކީ އަމިއްލަ ހިތަށް ވެވޭ ނާއިންސާފެކެވެ. ޒީވާގެ ހިތުން އަކްމަލްގެ ނަން ފޮހެލުމަކީ ދަތިކަމެކެވެ. ވީއިރު އޭނާއާ ވަކިން އުފަލުގައި ހުންނާނީ ކިހިނެއްހެއްޔެވެ.

“ކީއްވެތަ މިހެން މިވީ، އަކްމަލް….” ޒީވާއަށް މަޑުމަޑުން ބުނެލެވުނެވެ.

ހަވީރު ފަހެއްޖަހަން އުޅެނިކޮށް ލަބީބު އައިސް ގެއަށްވަނެވެ. ސިޓިން ރޫމުގައި ޓީވީ ބަލަންތިބި ރީމް އާއި ރުވާ ކުއްލިއަކަށް ސަމާލުކަމަށް އައެވެ. ލަބީބު ރުޅި އައިސްފައި ހުރެދާނެއޭ ހީވެގެންނެވެ. ދެބެންވެގެން އަވަހަށް ޓީވީ ނިއްވާލާފައި ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު އެތެރެއިން ޝީރީނުގެ އަޑުއިވުނެވެ.

“ގޭތެރޭގައި ދުވެފައި ނޫޅޭށޭ ބުނީމަވެސް މި މީހުންނަށް އަޑެއްނީވޭނެ” ޝީރީން ބުނެލިއެވެ. އަދި ހަވީރު ސަޔަށް ބޯކިބާ އަޅައިގެން ލަމްޔާ އޭގެން ރަހަނުބަލައިގެން ކުޑަތަށްޓަކަށް ބޯކިބާކޮޅުތަކެއް ލައިގެން އައިސް ލަމްޔާގެ ކޮޓަރިއަށް ޝީރީން ވަނެވެ. ކޮޓަރީގެ ދޮރު ނުލެއްޕިގެން އުޅެނިކޮށް ލަބީބު ގޮވާލި އަޑު ޝީރީނަށް އިވުނެވެ. ހަމަޖެހިފައި ހުރެ ވެސް ލަބީބުގެ އަޑުއިވުމުން ޝީރީން ޖެހިލުންވާގޮތްވިއެވެ. އެހެންވިޔަސް މިހާރު ލަބީބުގެ ރުޅި މަޑުވެ އޭނާގެ ނިންމުން ބަދަލުވެދާނޭކަމުގައި ޝީރީން ހީކުރިއެވެ.

“އަޅެ މިއިން އެތިކޮޅެއް ރަހަ ބަލާފައި މަންމަ ގާތު ބުނެބަލަ ރަހަތައް އެއްވަރަށްތޯ ހުރީ، މަންމައަށް ހީވަނީ ހުތްރަހަ ތަންކޮޅެއް ގަދަވެފައި ހެން މިހިރީ، ބައްޕަ ވެސް ގެއަށް އަތުވެއްޖެ، އެބަ އަންނަން މިހާރު ހުރީ ކޮންމޫޑެއްގަތޯ ބަލާފައި” ލަމްޔާގެ އެނދުކައިރި ހުރި ސައިޑްޓޭބަލް މަތީ ތަށިބަހައްޓަމުން ޝީރީން ބުންޏެވެ.

“މަންމާ، ބައްޕަ ނުވާނެ ޒީވް މިގޭން ބޭރުކޮށްލައިގެން، އެއީ އެއްގޮތަކަށް ވެސް ރަނގަޅު ނިންމުމެއްނޫން” ލިޔުންތަކެއް ހިފައިގެން އެނދުމަތީ ދެފައިވަށްކޮށްލައިގެން އިން ލަމްޔާ އަވަސް އަވަހަށް ބުނެލިއެވެ.

“އެހެނެއްނުވާނެ، ބައްޕަ ނުކުރާނެ އެކަހަލަކަމެއް، އެއަށްވުރެ ޒީވްދެކެ މާ ލޯބިވާނެ” ލުއި ހިނިތުންވުމެއް ލަމްޔާއާ ބަދަލުކޮށްލަމުން ޝީރިން ބުނެލިއެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް ޔަޤީންކަމެއް ނެތެވެ.

“ޝީރީން…” ލަމްޔާގެ ކޮޓަރިން ނުކުންނަން އައި ޝީރީނަށް އަނެއްކާ ވެސް ލަބީބު ގޮވާލި އަޑުއިވުނެވެ. އެހެންވެ ހަލުވިކޮށް ސިޓިން ރޫމާ ދިމާލަށް އޭނާ އައެވެ.

“އަހަރެން ބުނީމަ އެ ބުނާގޮތަކަށް ކަންތައްކުރުން ޝީރީން ދޫކޮށްލީ ކޮންއިރަކު، މިހާރު އަހަރެންގެ ބަހުގައި ވެސް އެއްވެސް އަގެއްނެތުނީތަ؟” ލަބީބު ފެންނަ ހިސާބަށް ޝީރީން އައުމާއެކު ލަބީބު ބުނެލިއެވެ. އެއަޑުގައި އަދިވެސް ހުރީ ނުރުހުމުގެ އަސަރެވެ.

“ލަބީބު، ކޮންކަމެއްތަ އަހަރެން ނުކުރީ” ޝީރީން ހައިރާންވެފައި އަހާލިއެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ވިސްނައިނުގަނެވުނީއެވެ.

“އަހަރެން ނުބުނަންތަ ޒީވާއަށް މިގެއަކުން ބޯހިޔާވަހިކަމެއް ކީއްކުރަން އެއްވެސް އެހީތެރިކަމެއް ނުލިބޭނެޔޭ، އަހަރެން މިތާ ހުއްޓައޭ އޭނާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލާފައި އެތެރެއަށް އެ ދެމިގަތީ، އެކަކަށް ވެސް މިހާރު އަހަރެން ބުނާގޮތް ހެދޭކަމަކަށް ނުވޭ ދޯ” ލަބީބު ރުޅިއައިސްފައި ހުރެ ބުނެލިއެވެ.

“ޒީވާ އެއީ އަހަރުމެންގެ ދަރިއެކޭ، ކޮންމެ ފަދަ ނުބައިކަމެއް ކުރިނަމަވެސް ދަރިއަކު ވާނީ ހަމަ ދަރިއަކަށް، އެ ގުޅުން ކަނޑައެއްނުލެވޭނެ، އެ ކުއްޖާ ނުކުމެގެންދާނީ ކޮންތާކަށް، ލަބީބު ނިކަން ވިސްނާބަލަ، މަގު އޮޅުނަތީ، އިތުރަށް ހަލާކުވެދާން ދޫކޮށްލަންވީތަ؟، އެކަމަކު ތީ ކޮންކަހަލަ ނިޔާއެއް، ލަބީބު ތީ ޒީވާގެ ބައްޕައޭ، ލަބީބުގެ ހިތަށް ކުޅަދާނަވާނެތަ އެމަންޖެ މަގުމަތީ ގަނަތެޅޭއިރު، އަހަރެން ހީކުރީ މިހާރު ދެން ރުޅިމަޑުވެ ތި ނިންމުން ބަދަލުވެދާނޭ، އަހަރެންގެ ހިތަކަށް ލާހިކު ކުޅަދާނައެއްނޫން ޒީވާ ނެރެ އެއްލާލާކަށް” ޝީރީން މޮޅިވެރިގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަތަކުން ލަބީބަށް އެއްވެސް އަސަރެއް ނުކުރިއެވެ. އިތުރަށް އެއްޗެއް ނުބުނެ ހުރެ ހަރުކޮށް ޒީވާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ލަބީބު، ލަބީބު… ހުއްޓިބަލަ… ކީއްކުރަންތަ ތިދަނީ…. ހުއްޓިބަލަ ލަބީބު…. ހެޔޮނުވާނެ….” ސިހިފައި ޝީރީން ތެޅިގަންނަމުން އަވަސް އަވަހަށް ލަބީބުގެ ފަހަތުން އައެވެ.

ކުއްލިއަކަށް ހުޅުވިގެންދިޔަ ދޮރާއެކު ލަބީބު ފެނިފައި ޒީވާ ވެސް ސިހުނީއެވެ. ހާސްވެ ބިރުގެންފައި ހުރިގޮތަކަށް އެނދުމަތީ އިނދެފައި ފުންމައިގެން ތެދުވެއްޖެއެވެ. އެހިނދު ހީވީ ލޯކުރިމަތިން ވިދުވަރެއް ކެނޑިގެންދިޔަހެނެވެ. ލަބީބު އައިސް ޒީވާގެ އަތުގައި ހިފާ ކޮޓަރީގެ އެއްފަރާތުގައި ހުރި ފޮށްޓާދިމާލަށް ގެންދިޔައެވެ.

“މީ މިގެއިން ނެރެން ކަލެއަށް ލިބޭނެ އެއްޗަކީ، ހަމަމިހާރު ހުރިހާ އަންނައުނެއް މިއަށް އަޅާ، ނޫނީ ކަލެއަށް ރަނގަޅުގޮތް އޮވެއްޖެއްޔާ މިއިން އެކައްޗެއް ނުގެންދިޔަސް އަހަންނަށް ހެޔޮ” ހަރުކަށިކޮށް ލަބީބު ބުނެލިއެވެ. އެއާއެކު ބިރުން ވިރިވިރި ހުރި ޒީވާ ލަބީބުއަށް ބަލަހައްޓައިގެން ހުރެ އަލަމާރީގައި ހުރިއްޔާ ހުރި އެއްޗެއް ފޮށްޓަށް އަޅާލައިފިއެވެ. އެޔެއްމިޔެއް އޭނާއަށް ވަކިނުވިޔަސްއެވެ. އެއާއެކު ލަބީބު “ބަން”ކިޔާފައި ފޮށިޖަހާ އޭތި ބަންދުކޮށްފިއެވެ. ލަބީބުގެ އެ ހަރަކާތުން އޭނާގެ ގާތުގައި ހުރި ޒީވާ އާއި ޝީރީންއަށް ވެސް ކުއްލި ސިހުމެއް ލިބުނެވެ. ދެން ފެނުނީ އަނެއްކާ ވެސް ޒީވާގެ އަތުގައި ހިފައިން އަނެއްއަތުން ފޮށި ދަމަމުން އެ ކޮޓަރިން ނުކުންނަން ލަބީބު އައިތަނެވެ. އެވަގުތު ޝީރީން ހީވީ ރޮއެގަތްހެންނެވެ.

“ތިހެން ނަހަދާ ލަބީބު، ފަހުން ރޯންޖެހޭވަރުގެ ކަމެއްނުކުރޭ…. އަހަރުމެންގެ ދަރިއޭ، ލަބީބު، ދަރިންނަށް ކުށް ވެސް ކުރެވޭނެ، އެކުދިންނަށް މާފަށް އެދުމުގެ ފުރުޞަތުދީ މާފުކުރުމަކީ އެ ދަރިން ހެޔޮ މަގަށް އެޅުމަށްޓަކައި ދެވޭ ފުރަތަމަ ހިތްވަރު، ލަބީބު، އާދޭސްކޮށްފަ މިބުނީނު ތިހެން ނަހަދާ، ޒީވާއަށް ކުރެވުނު ކަންތަކާ އެކުއްޖާ އެހެރީ ނުލާހިކު ދެރަވެފައި، އޭނާއަށް ވިސްނިއްޖެޔޭ ކުރެވުނީ ގޯސްކަމެއްކަން…. ލަބީބު…” ސިޓިން ރޫމުން ބޭރަށް ޒީވާ ގޮވައިގެން ލަބީބު ނުކުތް ވަގުތު ޝީރީނަށް ހަޅޭލަވަފައި ގަނެވިއްޖެއެވެ. އޭރު ދަތްތައްޖައްސާ ބާރުކޮށްލައިގެން ހުރެ ދެތުންފަތަށް ބައްދަމުން ދިޔަ ޒީވާއަށް ބާރަށް ރޮވިއްޖެއެވެ.

“ބައްޕަ ސޮރީއޭ… ބައްޕާ ޕްލީޒް… ޕްލީޒް ޕްލީޒް ޕްލީޒް، ބައްޕާ ޕްލީޒް ތިހެން ނަހަދާ، ދެން އެހެން ނޫޅޭނަމޭ…” ބާރަށް ރޮމުން ޒީވާ އާދޭކޮށްގަތެވެ. ޔަޤީނުން ވެސް ގެއިން ނެރެލަނީކަން އެނގުމުން އޭނާ ދުވަހަކު ވެސް ބިރުނުގަންނަ ވަރަށް ބިރުގަނެ ހާސްވިއެވެ. ގޮސްވަންނާނޭ ތަނެއްނެތްތަނުގައި މަދަދަށް އެދޭނޭ ފަރާތެއް ވެސް އޭނާގެ ނެތެވެ. ޝީރީން އައިސް ޒީވާގެ އަތުގައި ހިފަހައްޓަމުން ދަރިފުޅު ނެރުނަ ނުދޭން އެކުއްޖާގެ ގައިގާ ބައްދައިގަތެވެ.

“ލަބީބު ﷲއަށްޓަކައި އަޑުއަހާބަލަ، ޒީވާ ދެން އެކަހަލަ ވިޔާނުދާކަމެއް ނުކުރާނެއޭ…” ހޯސްލާފައި ޝީރީނުގެ ލޮލުން ކަރުނަ އޮހިގަތަވެ. އެއްއަތުން ދަރިފުޅު ހިމާޔަތްކުރަމުން އަނެއްއަތުން ލަބީބު ދުރުކުރެވޭތޯ ޝީރީން އުޅުނެވެ. ނަމަވެސް ލަބީބު ކުއްލިއެއް ޖެހުމާއެކު ޝީރިން އެއްފަރާތްކޮށްލައިފިއެވެ. އަދި ބަލަބަލާ ހުއްޓާ ސުކުންތުކޮޅެއްގެ ތެރޭ ދޮރޯށި ހުޅުވާލާފައި ބޭރަށް ޒީވާ ކޮށްޕާލައިފިއެވެ. ހަމައެހާ ހަލުވިކޮށް ދަރިފުޅުގެ ފަހަތުން ޝީރީން ވެސް ނުކުތެވެ.

“އެއްފަހަރު ބޭނުންކޮށްފިއްޔާ ދެން މުޅި އުމުރަށް ވެސް ބޭނުންކުރާނެ، ތީ އަހަރެންގެ ދަރިއެއްނޫން… މަގުމަތީ ތެޅޭނެވައްތަރަކަށް ތެޅެންވީ، ތިހިރީ ބޭނުންވެގެން އުޅުނު މިނިވަންކަން ދީފައި، އަހަރެން ނުދާނަން ޒީވާ ކޮންމެކަމެއް ކުރިޔަސް ހުއްޓުވާކަށް، އެކަމަކު ބަންދެއް އެއްޗެއްކޮށްގެން މިގެއަކަށް ނުގެނެވޭނެ، ވައްދަންޏާ ވައްދަންޖެހޭނީ މަގޭ ފުރާނަ ނެރެފައި” ލަބީބު މިހެން ބުނެފައި ދޮރޯށި ޖަހައިފިއެވެ.

ދަރިފުޅުގެ ކުރިމަތީ ނުރޯންވެގެން ޝީރީން އަވަސް އަވަހަށް ލޯފޮހެމުންދިޔައެވެ. ދެފަރާތަށް ބަލާލާފައި އޭނާ ނިތްކުރީގައި އަތްޖައްސާލިއެވެ. ނިކަން އަވަހަށް ދެން ހަދާނެގޮތެއް ވިސްނާލި ކަހަލައެވެ. ފުންނޭވައެއް ލާފައި ނޭފަތް އެތެރެއަށް ދަމާލަމުން ދޮރޯށި ދޮށުގައި ރޮވިފައި ހުރި ޒީވާގެ އަތުގައި ހިފާލިއެވެ.

“ޒީވާ ނުދައްޗޭ އެއްވެސް ތަނަކަށް، މަންމަ އެބަ އަންނަން ވަރަށް އަވަހަށް، ބުނޭ ނުދާނަމޭ…. މަންމަ އަންނަންދެން މިތާ މަޑުކުރާނަމޭ…” ކަންބޮޑުވެފައި ހުރި ޝީރީން އެއްނޭވާއިން ވާހަކަދައްކާލިއެވެ. ޒީވާ ދޮރޯށި ދޮށުގައި މަޑުކުރުމަށް އެއްބަސް ވުމުން ޝީރީން ހަލުކޮށް ގޭތެރެއަށް ވަދެގެން އައިސް އޭނާގެ ކޮޓަރިއަށް ވަދެ އަލަމާރިން ލާރިކޮޅެއް ނެގުމާއެކު ފޯނުން މީހަކަށް ގުޅާލިއެވެ.

“ދައްތާ، މީ ޝީރީން، ވަރަށް ބޮޑުކަމަކު މިގުޅީ، ފޯނުން ކިޔައެއްނުދެވޭނެ، އަހަރެން މިގަޑީގައި ދިޔައްޔާ އުނދަގޫވާނެތަ؟ ވަރަށް ބޮޑުކަމެއްޖެހިގެން މިގުޅީ، އެއްވެސް ގޮތެއް ނެތިގެން، މިވަގުތު މިހިރީ ހަމަ ގޮތްހުސްވެފައި….” ޝީރީންގެ އަޑުން ވެސް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ޝަފްޤާއަށް ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.

“ޝީރީން… ކިހިނެއްވީ؟ އާން! އާދެބަލަ” ޝަފްޤާ މިހެން ބުނުމާއެކު ޝީރީން ފޯނުކަނޑާލައިފިއެވެ. އަދި އަވަސް އަވަހަށް ޓެކްސީއެއް ލިބޭތީ ނަންބަރުތަކަށް ގުޅަން ފެށިއެވެ. ނަސީބުއަތުގައި ހިފީ ހަތަރު ނަންބަރަށް ގުޅުނުފަހުންނެވެ. އެއާއެކު ހަލުވިކޮށް ކޮޓަރިން ނިކުމުގެން އައީ ޒީވާގެ ގާތަށެވެ. އެވަގުތު ސިޓިން ރޫމުގައި އިން ލަބީބު ޝީރީނަށް ގޮވާލިއެވެ.

“ޝީރީން… ކޮންތާކަށް” ތަންކޮޅެއް ބާރަށް ލަބީބު ބުނެލިއެވެ. ނަމަވެސް އެއަޑު ޝީރީނެއް ނޭހިއެވެ. އޭނާ ދޮރޯށި ހުޅުވާލާފައި ނިކުތީ ބޭރަށެވެ. އޭރު ފާރުކައިރީ ޒީވާ އޭނާގެ ފޮށީ ހިފައިގެން ފެންކަޅިވެފައި ހުއްޓެވެ. ޝީރީން ފެނުމުން އޭނާ ބަލާލީ ކަމަކަށް ކެތްތެރިކަން ކުޑަވެފައި ހުރި ފަދައިންނެވެ.

“އާދޭ ޒީވާ، ކާރަށް އަރާ…” ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ޓެކްސީއަށް އަރަން ހިނގައިގަންނަމުން ޝީރީން ބުނެލިއެވެ.

“މަންމާ، ކޮންތާކަށް މިދަނީ” ޝީރީނުގެ ބުނުމަށް ޓެކްސީއަށް އެރި ޒީވާ އަހާލިއެވެ. ކުރިއަށްވުރެ ވެސް ބޮޑަށް އޭނާ ހާސްވީ، ޝީރީން އޭނާއާއެކު ގެއިން ނުކުތީއޭ ހީވެފައެވެ. އެގޮތަށް މަންމަ ކަންތައްކުރާކަށް އެއްގޮތަކަށް ޒީވާ ބޭނުމެއްނޫނެވެ. ރީމް އާއި ރުވާގެ އިތުރުން ލަބީބަށް ވެސް ޝީރީންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ޒީވާއަށް އެނގެއެވެ. ވީއިރު އޭނާގެ ފަރާތުން ވީކަމެއްގައި ޝީރީން ބައިވެރިކުރުމަކީ އަދި އެންމެ އެދެވޭގޮތެއް ނޫނެވެ.

“މިދަނީ ދަރިފުޅުގެ ބޮޑުދައިތަމެންގެއަށް” ޝީރީން އިސްޖެހިފައި އިނދެ ބުނެލިއެވެ.

“ބޮޑުދައިތަމެންގެއަށޭ…” ޒީވާއަށް ބުނެލެވުނެވެ. ވާނީއެހެންތާއެވެ. ޝަފްޤާއަކީ ޒީވާގެ ބޮޑުދައިތަކަން މަންމަގެ ފަރާތުން ހަމައެކަނި އެނގޭކަމެވެ. އިތުރު މާބޮޑު ގުޅުންތަކެއް ނޯވެއެވެ. ދެން ފެނުނިއްޔާ ފެނިފައި ހުރީ ޚާއްޞަ މުނާސަބަތުތަކުގައި އެގެއަށް އައިސް އުޅޭތަނެވެ. މަންމަ ވެސް އެހާ ގަޔާވާހެނެއް ޒީވާއަށް ހިޔެއްނުވެއެވެ. ދެން އެވަރުގެ މީހެއް ގާތަށް މިދަނީ ކީއްކުރަން ބާއޭ ޒީވާގެ ހިތަށް އެރިއެވެ.

ޓެކްސީ އައިސް ބަހާރީވިލާއަށް މަޑުކޮށްލުމާއެކު ޑްރައިވަރަށް ފައިސާ ދީފައި ޝީރީނާއި ޒީވާ ފައިބައިފިއެވެ. އެއާއެކު ޑްރައިވަރު ފައިބައިގެން އައިސް ޒީވާގެ ފޮށިނަގާ އެމީހުންގެ ކައިރީ ބަހައްޓާލައިފިއެވެ.

“މަންމާ….” ޝަފްޤާމެންގެއަށް ވަންނަން ޖެހިލުންވެފައި ހުރި ޒީވާ، ޝީރީންގެ އަތުގައި ހިފާލާފައި ގޮވާލި ގޮތުން ހީވީ އެގެއަށް ނުވަންނާށޭ ބުނިހެންނެވެ. އެހިނދު ނިކަން ލޯތްބާއި އޯގާތެރިކަމާއެކު ދަރިފުޅުގެ އަތުގައި ހިފާލަމުން ޝީރީން ހިނިތުންވެލިއެވެ.

“ދަރިފުޅާ، މިއަދު މީ މުޅި ދުނިޔެއާ ހަނގުރާމަ ކުރަންޖެހުނަސް، އެކަން ވެސް ކުރަންވީ ދުވަސް، ތީ މަންމަގެ ދަރިއެއް، މަންމަގެ ދަރިންނަކީ ވަރަށް ހިތްވަރުގަދަ ކުދިންތަކެއް، ޒީވާ، މީ މިއަދު ދަރިފުޅަށް ހުރި ގޮތްކަމުގައި ހީކުރޭ، މިދުވަސްވެސް ﷲ ގެ ރަޙުމަތްފުޅުން ހިނގައިދާނެ، ބަލަންވީ ކުރިއަށްވުރެ ވެސް ރަނގަޅު ކުއްޖަކަށް ވެވޭތޯ، ގުޅުން ކުޑަޔަސް އެހީތެރިކަމަށް އެދެން ތިބީ ޢާއިލާގެ މީހުން، މަންމަގެ ބަސްއަހާ ކުއްޖަކަށްވޭ” ޝީރީން މިހެން ބުނުމާއެކު ޒީވާ މާބޮޑަށް ދެރަވެއްޖެއެވެ. އޭނާދެކެ މަންމަ ލޯބިވާވަރު މިއަދު އޭނާއަށް އެބަފެނެއެވެ. އޭނާއަށް ކުޑަވެސް ނިކަމެތިކަމެއް ލިބިދާނޭތީ އެމަންމަ ނުކުރާނެކަމެއް ނޯންނާނެކަން އެނގެއެވެ. ހިތަށް އަސަރުކުރީ އެހެންވެއެވެ. މަންމަގެ އަގު ދުވަހަކު ވެސް އަދާކޮށް ނުދެވޭނެތީއެވެ. ލޯތްބާއެކު ޝީރީން، ޒީވާގެ ދެލޯ ފޮހެލަދިނުމާއިއެކު އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި ފޮށި ދަމަމުން ޒީވާއާއެކު ގޭގެ ދޮރޯށިން އެތެރެއަށް ވަނެވެ.

ޒަމާނީ ފެންވަރަށް ހަދާފައި ހުއްޓެއްކަމަކު ގޭތެރެ ފެންނަނީ ވަރަށް ވެސް ފެހިކޮށެވެ. މުށިތަކުގައި އިންދާފައި ހުރި ގަސްތަކުގެ އިތުރުން ދެބަޔަށް ބައިކޮށްފައި އޮތް މަސްފެންގަނޑެއް އޮތެވެ. ގޭގެ ކަނެއްގައި ހެދިފައި ހުރި ބޮޑު ނިކަގަހުގައި ތިންމީހުނަށް ތިބެވޭވަރުގެ އުނދޯއްޔެއް އެލުވާފައި ހުރިއިރު ކައިރީގައި ދަގަނޑު ގޮނޑި ބަހައްޓާފައި ހުއްޓެވެ. ކުއްލިއަކަށް ޒީވާ ސިއްސައިގެން ދިޔައީ ގަސްތަކުގެ ތެރެއިން ފުންމާލި ކަޅު ބުޅާ ފެނިފައެވެ. އެސޮރުގެ ކަންނެތްކަމުގައި ފަރިކޮށް ހިނގާލާފައި މައިގެއާ ދިމާލަށް ދިޔައިރު އޭގެ ފަހަތުން އަނެއްކާ އެކަހަލަ އަނެއްބުޅާ ދިޔައެވެ.

“ކާކު…ކާކު…” އުނދޯލި ކައިރީ ހުރި ދަނޑިއެއްގައި އިން ބޮޑުބޮޑު ދޫންޏެއް ގޮވާލިއެވެ. ޒީވާ ހައިރާންވާވަރުވިއެވެ. މިއީ ޝަފްޤާމެންގެއަށް ޒީވާ އައި ފުރަތަމަފަހަރެވެ.

“ޝީރީން، ކިހިނެއްތަވީ؟ އާދެބަލަ މިތާ އިށީންނަން…” އުނދޯލީގައި އެއްފައި ނަގައިގެން އަނެއްފައިން އެއްވަރަކަށް އުނދޯލި ހެއްލާލަ ހެއްލާލާ އިން ޝަފްޤާ ބުނެލިއެވެ. ހަމައެހިނދު ބޯންއިން ދުންގަނޑުން އަނގަޔަށް ޖަމާވި ދުންތައް ނެރެ ދޫކޮށްލައިފިއެވެ. ދުފާލާފައި އިންއިރު ހީވަނީ ހަމަދެންމެ ކައިގެން ނިކުމެ އިންހެނެވެ.

“މިހިރީ ޒީވާ ދޯ” ޝީރީން އައިސް އުނދޯލީގެ އެއްފަރާތަށް ހުރި ގޮނޑިއެއްގައި އިށީންނަން އުޅުމުން ޝަފްޤާ ބުނެލިއެވެ. ޒީވާ ކުޑަކޮށް ހިނިތުންވެލުމާއެކު ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ. ޝަފްޤާ އޭނާ ގާތު އިށީންނާށޭ ނުބުނާތީއެވެ.

“ދައްތާ، އަހަރެން މިއައީ ވަރަށް ބޮޑުކަމަކު ދައްތަ ގާތުން އެދެންވެގެން….” ޝީރީން ވަގުތު ބޭކާރުނުކޮށް އައި ބޭނުން ހާމަކުރިއެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ޝަފްޤާ އިންއިރު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެތިން ފަހަރު ލޯ އަޅާލާފައި ބަލާލާ ކަހަލަ ގޮތަކަށް ޒީވާއަށް ބަލާ ވެސް ލިއެވެ.

“ތިވަރުގެ މީހަކު މިގޭގައި ކިހިނެއްބަހައްޓާނީ، ބަލަ އަމިއްލަ ގޭގައި ނުބެހެއްޓިގެން ތިގެނައީ” ޝަފްޤާގެ ވާހަކަތުގައި އެއްވެސް ރަހުމެއްނެތެވެ.

“ދައްތާ، ޒީވާއަކީ އެކަހަލަ ކުއްޖެއްނޫނޭ، ދައްތަ ހިތްހަމަނުޖެހޭކަހަލަ އެއްވެސް ސިފައެއް އެކުއްޖާގެ ކިބައިން ނުފެންނާނެ، ހަމައެކަނި ކުޑަދުވަސްކޮޅަކު މިގޭގައި ބަހައްޓާލަ ދޭންވީ” ކޮޅަށް ތެދުވި ޝީރީން އާދޭސްކުރާފަދަ ގޮތަކަށް ޝަފްޤާގެ އަތުގައި އަތްބާއްވާލިއެވެ. އެއާއެކު ހެއްލަމުންދިޔަ އުނދޯލި ޝަފްޤާ މަޑުޖައްސާލިއެވެ.

“ހޫން! ހޫން!… ދެންހެވޭ!… އޭނާއަށް ހުރެވިދާނެ، އެކަމަކު މިގޭތެރޭގައި އޭނާ މަސްތުވާތަކެތީގެ ކަމެއް ކީއްކުރަން ފިރިހެނަކު ގެނެސްގެން އުޅޭތަން ފެނުނަސް މަގޭ ދެއަތުން އޭނާ ބޭރުކޮށްލާނީ، ދެން ދުވަހަކު ވެސް މިގެއަކަށް ނުވައްދާނަން، ވަރިހަމަ ޝީރީން ކިތަންމެ އާދޭހެއްކުރި ނަމަވެސް” ޝަފްޤާބުނެލިއެވެ.

“ޒަހުރާ… ޒަހުރާ….” ޝަފްޤާ ގޭތެރެއަށް ބަލާލަމުން ނިކަން ބާރަށް ގޮވާލިއެވެ. ހަޤީޤަތުގައި ޝަފްޤާ އެއްވެސް ގޮތަކަށް ޒީވާ އެގޭގައި ބަހައްޓާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އެގެއަކީ އޭނާ އާއި ޝީރީނާ ދެބެންގެ ގެއެކެވެ. އެގޭގައި ޝީރީން އުޅުނަ ނުދިނީ ވެސް ޚުދު އޭނާއެވެ. މުޅި ގޯއްޗަށް އޭނާ ވެރިވެގަންއިރު ވެސް ޝީރީން އެއްވެސް އެއްޗެއް ނުބުނެއެވެ. އަނެއްކޮޅުން ޝިރީން، ޝަފްޤާގެ ގާތުގައި ކަމަކުކީ މީ ފުރަތަމަ ފަހަރެވެ. ނުކޮށްދީފިއްޔާ ގޯތިން އޭނާއަށް ލިބެންޖެހޭ ބައި އަތުލަން އުޅެދާނޭތީ ޝަފްޤާ ކަންތައްބޮޑުވީއެވެ. އެހެންވެ ހިތުގައި އޮތްކަމެއް ފޮރުވާލާފައި އޭނާ އެއްބަސްވީއެވެ. ޝީރީން ޝުކުރުއަދާކޮށްފައި ތެދުވެގެން އައިސް ޒީވާގެ ގާތުގައި ހުއްޓުނެވެ. އަދި އޭނާ ގެނައި ފައިސާކޮޅު ސިއްރުން ކަހަލަ ގޮތަކަށް ޒީވާގެ އަތަށް ލާދިނެވެ. ހީވަނީ ޝީރީން ވެސް ޝަފްޤާއަށް ކުޑަވެސް އިތުބާރެއް ނުކުރާހެނެވެ.

“ދަރިފުޅާ، ދުރުހިލޭ މީހުންގާތު، ގޭގައި ކިތަންމެ ކުދިންނެއް އުޅޭ، ބަސްއަހާ ރަނގަޅުކުއްޖަކަށްވާތި، ކޮންމެ ދުވަހަކު މަންމަ ގުޅާނަން، ދަރިފުޅުކަމެއް ބޭނުންވެއްޖެއްޔާ މަންމަ ގާތު ނުބުނެ ނުހުންނާތި، ބައްޕަގެ ރުޅި ފިނިވިހާއަވަހަކަށް ދަރިފުޅު ބަލާ މަންމަ އަންނާނަން، މިހާރު ދަރިފުޅު ތިހިރީ ބޮޑުވެފައި، ހުރިހާ ކަމެއް ދެންކުރަންޖެހޭނީ އެކަނިމާއެކަނި، މީހުން އެއްޗެހިކިޔަސް ބަދަލުގައި ޗުއްޕުވެސް ނުބުނާތި، ވިސްނަންވީ މިއަދު މީހުން އެއްޗެހި އެކިޔަނީ ދަރިފުޅަށް ވެސް ކުށެއްކުރެވުނީމަކަން، ވީމާ ދެވަނަ ފަހަރަށް އެއްވެސް ކުށެއް ތަކުރާރުނުކުރާނަންކަމަށް އަޒުމްކަނޑައަޅަންވީ…” ދަރިފުޅު ދޫކޮށްލާފައި ދާން ޝީރީން ބޭނުމެއްނޫނެވެ. އެކަމަކު ހުރެވޭކަށް ވެސް ނެތެވެ. ޒީވާ ގެނެސް މެޔާލާ ބޮނޑިކޮށްލުމާއެކު ދަރިފުޅުގެ ބޮލުގައި ޝީރީން ބޮސްދިނެވެ. ހީވީ އެންމެފަހުގެ ވަދާޢީ ސަލާމްކުރަންޖެހުނު ހެންނެވެ. ހިތުގައި އަތްއަޅާލާފައި ޝީރީން، ޒީވާ ދުރުކޮށްލިއެވެ. އަދި އެގެއިން ނުކުންނަން ހިނގައިގަތީ އިތުރަށް މަޑުކުރާނަމަ އޭނާއަށް ޒީވާ ދޫކޮށްނުލެވިދާނޭތީއެވެ.

ދޮރޯށިން ނުކުންއިރު ހަށިގަނޑުން އެއްގުނަން މަދުވެއްޖެކަމުގެ އިޙްސާސް ޝީރީނަށް ކުރެވިގެންދިޔައެވެ. ދަރިއަކުވަކިވާ ހިނދު ކޮންމެ މަޔަކަށް ވެސް އެހެންހީވާނެއެވެ. އެކަމަކު އެމީހުންނަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. އެތަކެއް ބުރައަކާއި ވޭނެއް އުފުލައެވެ. ހަމަ އެ ދަރިންނަށްޓަކައި ފަހުނޭވާއާ ޖެހެންދެން ގުރުބާންވެއެވެ.

“ހޫން! ދެން ތިހެން ކަލޭ ހުންނަންވީކީ ނޫން، މިހިރީ ޒަހުރާ، އޭނާ އާއެކު ތިފޮށި ހިފައިގެން ދޭ އެތެރެއަށް” ޝަފްޤާ ބުނެލިއެވެ. ވެލިތަކުގެތެރޭ ފޮށި ނުދުއްވަންވެގެން، ކިތަންމެ ބަރަސް ޒީވާ ދެއަތުން ފޮށި އުފުލާލިއެވެ. އަދި ޒަހުރާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

“ޒަހުރާ، ކަލޭގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި އޭނާއަށް ތައްޔާރުކޮށްދީ” ޒަހުރާއަށް ބަލާލި ޝަފްޤާމިހެން ބުނުމާއެކު އޭނާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

ޒަހުރާ އާއިއެކު ޒީވާ ގޭތެރެއަށް ވަދެގެން އަންނަނިކޮށް އޭނާއާ ދާދި އެއްއުމުރެއްހެން ހީވާވަރުގެ އަންހެން ކުއްޖަކު ފެނުނެވެ. ބޮލުގައި ފޮއިލްތަކެއްފަދަ އެއްޗެއް ހަރުކޮށްގެން ހުރެއެވެ. ޒީވާއަށް އެއީ ކާކުކަން އެނގުމުން ހިނިތުންވެލަން އުޅުނެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާގެ މޫނުން ފެނުނީ ހައިރާންކަމެވެ. އޭނާ ބަލަންފެށީ ނުދަންނަ މީހަކު ފެނިގެން ބަލާހެންނެވެ.

“މަންމާ، މަންމާ….. ކާކުތަ އެއީ، ހާދަ ޔަންގުކުއްޖަކު ތިގެނައީ މިފަހަރު، އޭނާއަށް ނޭނގޭނެކަންނޭނގެ އެއްކަމެއް ވެސް ކުރާކަށް” ޝަފްޤާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ލޫނާ ބުނެލިއެވެ.

“އެއީ ސާންޓު ކުއްޖެއްނޫނޭ” ޝަފްޤާ ބުނެލިއެވެ.

“އޭނ!… ސާންޓުއޭ… ސާބަސް މަންމާ، ސާވަންޓު، ނޭނގުނަސް ކިޔަންވާނެ” ލޫނާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

“އެހެންވެޔޭ މަންމަ ވެސް އިނގިރޭސި ދަސްކުރާ ކުލާހަށް ދާހިތުން މިއުޅެނީ، އެއުޅޭ ހާރޫނުގެ އަންހެނުން ޖުވޭ، ހާދަ ފަރިތަޔޭ އިނގިރޭސިން ވާހަކަދައްކާލަން، އަޅެ މަންމަ ވެސް ބޭނުން އެހެން ވާހަކަދައްކާލަން ދަސްކުރަން، އޭރުން ބޮޑެތި މީހުންނާ ވެސް ރައްޓެހިކަން ބޭއްވޭނެ، މީހުން ދެކޭ ގޮތް ވެސް ބަދަލުވާނެ…” ޚިޔާލަކަށް ގެއްލި އިނދެ ފޮނިގޮތަކަށް ޝަފްޤާ ބުނެލިއެވެ.

“ދެން މަންމަ އިނގިރޭސި ކިޔަވައިގެން ކޮންކަމެއް ކުރެވޭނީ، ތިހެން ޝީޝާ ބޯލަ ބޯލާ އިނދެބަލަ، ހަވީރަށް ތިއެއް ދަމަން މިގެއަށް މީހުންގަނޑު ޖަމާވާނެ، ދެން އޮތިއްޔާ އޮތް ފޮންޏެއް ކަނޑާލާތި…” ދެފަރާތުން އުނަގަނޑުގައި ދެއަތްވިއްދާލައިގެން ހުރެ ލޫނާ ބުނެލިއެވެ.

“އަހަންނަށް ކޮންމެހެން އެއްޗެހި ކިޔާނެކަމެއްނެތް، ކީއްކުރަންތަ ތިއައީ” އެއްފަރާތަށް ތުންއަނބުރާލާފައި ޝަފްޤާބުނެލިއެވެ.

“ދީބަލަ ލާރިކޮޅެއް، މާދަމާ ޕާޓީއަށް ދާންވާއިރަށް، ޝޮޕިންކޮށްލާ ފޭޝަލް ހަދާލަން” ލޫނާ ބުނެލިއެވެ.

“ކިހާވަރެއް” ޝަފްޤާ ކަމެއް އެނގޭ ކަހަލަ ގޮތަކަށް ލޫނާއަށް ބަލަންއިނދެ އަހާލިއެވެ.

“ދެހާސް، އަސްލު ތްރީތައުޒަން ބޭނުމީ، އެކަމަކު އެނގޭވިއްޔާ މަންމަގެ ޑާކޫކަމުން ނުދޭނެކަން” ލޫނާ ދިގުކޮށްފައި ހުރި ނިޔަފަތިތަކަށް ބަލާލަމުން ބުނެލިއެވެ.

“އާނއެކޭ ނުލިބޭނެޔޭ، އެވަރަށް ޚަރަދު ކުރަން ބޭނުންވަންޏާ ވަޒީފާއަކަށް ދޭބަލަ، މަށެއް ނުބުނާނަން ބައިރުފިޔާއެއް ވެސް ދޭކަށް” ޝަފްޤާބުނެލިއެވެ.

“އޯކޭ މަންމާ، ދެން ދޭވަރެއް ދީބަލަ، ޕްލީޒް، މިހާރު މިއުޅެނީ ދާންށޭ، އަދިވެސް ނުބުނަމެންނު ކީއްކުރާ ކުއްޖެއްކަމެއް މިގެއަށް ތިގެނައި” ލޫނާ ހަނދާންވެގެން އަހާލިއެވެ.

“އެއީ ޝީރީންގެ ދަރިއެއް، ފިރިހެނަކާއެކު މަސްތުވާތަކެތި ބޭނުންކޮށްގެން އެއްކޮޓަރިތެރޭ ތިއްބާ ހައްޔަރުކުރީމަ، ލަބީބު އޭނަ ގެއިން ނެރެލީ…” ޝަފްޤާގެ ވާހަކައިން ލޫނާއަށް ވިސްނުނީ ވަރަށް ގޯސްކޮށެވެ.

“ދެން އެވަރުގެ މީހަކު މިގެއަށް ތިގެނައީ، މަގޭ އެއްޗެހިތައް ވަގަށްނަގައިފިއްޔާ ދެން ކިހިނެއް ހަދާނީ، މަންމާ، ދެން ލަހެއްނުވާނެ މިގެއިން އެއްޗެހި ގެއްލޭކަށް، އެމީހުން ޕީސްކޮޅު ހޯދަން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ” ލޫނާ ކަންބޮޑުވިއެވެ.

“އެކަހަލަ ކަމެއްވެއްޖެއްޔާ ކަންތައްކުރާނެގޮތް އަހަންނަށް އެނގޭ، ދެން ކަލޭ ދޭ އެތެރެއަށް، މި ދުންގަނޑު ނިންމާލާފައި މިދަނީ ލާރިދޭން” ޝަފްޤާ އަތުން ލޫނާއަށް އިޝާރާތްކޮށްލުމާއެކު އޭނާ އެތަނުން ފޮނުވާލަން ބޭނުންވީއެވެ.

ޒީވާ ވަން ކޮޓަރިއެކޭ، އޭނާގެ ގޭގައި އުޅުނު ކޮޓަރިއެކޭ ފެންވަރުގެ ގޮތުން އެއްވަރެވެ. އެނދާއި އަލަމާރިއާ ރީތިވާ މޭޒަށް ދަންދެން ހުރީ އެއްކުލައަކުން ގުޅުވާލާފައެވެ. ހުރިހާ ފަރުނީޗަރު ވެސް ހީވަނީ ސެޓެއްހެންނެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި އެނދުގައި ޒަހުރާ ބެޓްޝީޓު އަޅައިދޭން އުޅުނެވެ. އެއީ އެގޭގައި ގެންގުޅޭ ކުއްޖެއްކަން ޒީވާއަށް އެނގުނެވެ.

މުޅި ގޭގައިވަނީ ތަނަވަސްކަމުގެ ކުލަތަކެވެ. ޝަފްޤާއަކީ ބޮޑުދައިތައެއްކަމަކު އޭނާގެ ގޮތެއް ޒީވާއަކަށް ނޭނގެއެވެ. ހޭދަވި ކުޑަވަގުތުކޮޅުތެރޭ ވެސް ޝަފްޤާ، ޒީވާއާ ގަޔާނުވާކަން އޭނާއަށް އެނގިއްޖެއެވެ. ނަމަވެސް އެއީ ޢާއިލީ ހިތްހަމަނުޖެހުމެއްކަމެއް ނޫނީ ޒީވާ ކުށެއްކޮށްގެން ލިބުނު ހިތްހަމަނުޖެހުމެއްކަން ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ. ޝީރީނާއި ބަލާފައި ޝަފްޤާއަކީ ވަރަށް ވެސް ތަފާތު މިޒާޖެއްގެ މީހެކެވެ.

“ތީ ކޮންކުއްޖެއްތަ؟” އެނދުގެ ތަންމަތިއަޅައި މުޅި ކޮޓަރި ޒީވާއަށް ތައްޔާރުކޮށްލަދީފައި ނުކުތުމުގެ ކުރިން ޒަހުރާ އަހާލިއެވެ. އޭނާއަށް ހީވީ އޭނާ ނޫން އިތުރު ގެންގުޅޭ ކުއްޖަކު އެގެއަށް ގެނައިހެންނެވެ. ޒީވާ ފެންނަލެއް އުމުރުން ހަގުވެފައި ރީތިވީމާ، ޒަހުރާއަށް ހީވީ އޭނާގެ ބޭނުން އެގޭ މީހުންނަށް ކެނޑުނީހެންނެވެ. ދެން ލަހެއްނުވެ އޭނާގެ ރަށަށް އޭނާ ފޮނުވާލަފާނެކަމަށެވެ.

“ޝަފްޤާ…. ބޮޑުދައިތަ… ކުއްޖެއް…” ބުނަންވީ ކީކޭކަމެއް ނޭނގިފައި ހުރެ ޒީވާ ލަސްލަހުން ބަސްތައް އަމުނާލިއެވެ.

“އޯ… އެހެންތަ!، ޝަފްޤާއަށް ބޮޑުދައިތަކިޔާ ކުއްޖެއް، ޗުއްޓީއަށް ދޯ ތިއައީ” މީގެ ކުޑައިރުކޮޅެއްކުރިން މާޔޫސްކަންވެރިވެގެން ދިޔަ ޒަހުރާގެ މޫނުމަތިން ކުއްލިއަކަށް ހިނިތުންވުން ފެނިގެން ދިޔައެވެ. ދެން ވެސް ޒީވާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ އެގެއަށް އައީ ކީއްވެކަން އިތުރު މީހަކު ގާތު ބުނާނޭހާ ހިތްވަރު ހަޤީޤަތުގައި ނެތީއެވެ. ނަސީބަކުން ޒަހުރާ އިތުރު ސުވާލެއް ނުކުރިއެވެ. އިރުކޮޅަކުން ފާޚާނާއަށް ބޭނުންވާ އެއްޗެހި ހިފައިގެން އަންނާނަމޭ ބުނެ އޭނާ އެ ކޮޓަރިން ނުކުމެއްޖެއެވެ.

ބޭރުކޮށްލި ފުންނޭވާއާއެކު ޒީވާ އެނދުގައި އިށީނެވެ. ބާރުކޮށްލެވިފައިވާ މުށް މަޑުމަޑުން ހުޅުވާލިއެވެ. އެއަތުގެތެރޭގައިވަނީ ޝީރީން ވަކިވަމުން ޒީވާއަށް ދިން ރުފިޔާތަކެވެ. އެތައް އިރެއް ވަންދެން އެއަށް ބަލަހައްޓައިގެން އޭނާ އިނެވެ. ސިހިފައި އަނެއްކާ ވެސް އަތްތިލަ މުށްކަވާލެވުނީ އެ ކޮޓަރިއަށް ޒަހުރާ ވަނުމުންނެވެ.

“ކިހިނެއްވެފަ ތިއިނީ؟ ފެންވަރާލަން ބޭނުންވެފައިތަ” ތުވާއްޔާއި އެހެނިހެން ސާމާނު ހިފައިގެން ކޮޓަރިއަށް ވަން ޒަހުރާ އަހާލިއެވެ. އެއާއެކު ޒީވާ ނިކަން އަވަހަށް ބޯޖަހާލިއެވެ.

“މި ނިމުނީ އިނގޭ، ކަމެއް ބޭނުންވެއްޖެއްޔާ އަހަރެން ގާތު ބުނޭ، މިގޭ ލޫތު މިހަފްތާތެރޭ އަންނާނެ، އޭނާގެ ކޮޓަރި ވެސް އަދި ތައްޔާރުކޮށް ނުނިމޭ” ފާޚާނާގައި އުޅެމުން ޒަހުރާ ވާހަކަދެއްކިއެވެ. ފެންނަ ފެނުމަށް ޒަހުރާއަކީ އަނގަގަދަ މީހެއްކަން ޒީވާއަށް ނަގައިގަނެވުނެވެ. އެއްގޮތަކުން ރަނގަޅެވެ. ޒީވާގެ ސިކުނޑީގެ ހާސްކަން ކުޑަހިނދުކޮޅަކަށް ވިޔަސް ފިލައިގެން ދިޔައެވެ.

ލާފައި ހުރި ހައުސްކޯޓުގެ ދެއަރިމައްޗަށް ދަމާލަމުން ޝަފްޤާ އައިސް ބަދިގެ ފަރާތު ދޮރުން އެތެރެއަށް ވަނެވެ. ހިނގާފައި އަންނަގޮތުން ވެސް އޭނާގެ ފަތަރާސީކަން މީހުންގެ ލޮލުގައި އަޅައިގަންނާނެއެވެ. އެއައި ގޮތަށް އައިސް ވަނީ އޭނާގެ ނިދާކޮޓަރިއަށެވެ. އަލަމާރިތެރޭ އެއްފަރާތުގައި ހުރި ކުޑަދޮރުފަތެއް ހުޅުވާލުމާއެކު ތިޖުރީ ހުރީ ދިމާއަށް ފެންނާށެވެ. ޝަފްޤާ ކޮންމެ ކަމެއް ހަނދާނެތުނަސް އެ ތިޖުރީގެ ސެކިއުރިޓީ ކޯޑެއް ހަނދާނެއްނުނެތޭނެއެވެ. އޭނާ ދަރިފުޅަށް ދޭން ވެގެން ރުފިޔާ ނެގުމާއެކު އަވަސް އަވަހަށް ތިޖުރީ ލައްޕައިފިއެވެ. އިހު ހުރި ގޮތަށް އަލަމާރި ހެދުމަށްފަހު އެނބުރި އައިސް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ލޫނާގެ ކޮޓަރީގައި އައިސް ޓަކި ޖަހާލުމާއެކު ދޮރުހުޅުވާލިއެވެ.

“ކޮންތާކުން ތިއައީ؟” ސިޓިންރޫމު ދޮރުން ވަން ޝީރީން ފެނުމާއެކު ހަރުކަށިގޮތަކަށް ލަބީބު އަހާލިއެވެ. އޭރު އެތަނުގައި ލަމްޔާ ވެސް ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވެފައި ހުރިކަމެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެން ވެސް ހީވެއެވެ.

“އަހަރެން ބޭނުމެއްނޫން އެކަކު ވެސް ޒީވާއާ ގުޅުން ބާއްވާކަށް، އަޑުއިވިއްޖެތަ؟” މިހެންބުނެ ލަބީބު، ޝީރީނާއި ލަމްޔާއަށް ބަލާލިއެވެ.

އެއްވެސް އެއްޗެއް ބުނުމެއްނެތި ހަލުވިކޮށް ހިނގާލާފައި ޝީރީން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ލަމްޔާ އެ ކޮޓަރިއަށް އައިސް ވަނެވެ. އެނދުގައި ޝީރީނުގެ ފޫޖެހުމާއެކު އިސްޖެހި ރޮވިއްޖެއެވެ. ލަމްޔާ އައިސް އަވަސް އަވަހަށް މަންމަގެ ގައިގާ ހިފަހައްޓާލިއެވެ.

“މަންމާ، ޒީވް ކޮބާ؟ ކޮންތާކަށް އޭނާ ލާފައި ތިއައީ؟…. މަންމާ…” ލަމްޔާ ވެސް އިނީ ވަރަށް ބޮޑަށް ހާސްވެ ހަދާނެގޮތެއް ނޭނގިފައެވެ.

“ދުވަހަކު ވެސް ނުކުރާނަމޭ ހިތަށްއަރާފައި ހުރި ކަމެއް ކޮށްފައި މިއައީ” ރޮވިފައި އިން ޝީރީން ބުނެލިއެވެ.

“އަނެއްކާ ކީއްކުރީ” ލަމްޔާ އިތުރަށް ހާސްވާގޮތްވިއެވެ.

“ބޭރުތެރެއަށް ދޫކޮށްލުމަށްވުރެ އެގޮތް ވެސް މިއަދު ރަނގަޅު، ޒީވާގެ ބޮޑުދައިތަ ކައިރިއަށް އޭނާ ލާފައި މިއައީ” ޝީރީން ބުނެލިއެވެ.

“އެ މީހުން ޒީވާ ބެހެއްޓިތަ؟ ނުލާހިކު ފޮނިބައެއް އެއީ، މީހުންނަށް އެހާ ފާޑުކިޔާނެ، އެކަހަލަ ތަނެއްގައި ޒީވާއާ މެދު އެމީހުން ކަންތައްކޮށްފާނެ ގޮތަކާމެދު އަހަރެން ބިރުގަނޭ” ލަމްޔާގެ ޚިޔާލު ފާޅުކުރިއެވެ.

“ދަރިފުޅާ، މިވަގުތު ތަނެއް ކުއްޔަށް ހިފާފާއި ޒީވާ ބެހެއްޓުމަކީ އެއީ އޭނާ އިތުރަށް މަގުން ކައްސާލަން ދެވޭ ފުރުޞަތަކަށް ވެދާނެ، ޝަފްޤާއަކީ ރަނގަޅު މީހެއްނޫންކަން މަންމައަށް އެނގޭ، އެހެންނަމަވެސް ޢާއިލާ ބައެއްގެ ތެރޭގައި ހުރުމުން ޒީވާއަށް ވެސް ރަނގަޅަށް އުޅެން ބާރުލިބޭނެ، އޭނާއަށް ވިސްނޭނެ މައިންބަފައިން ކައިރީގައި ނެތުމަކީ ކިހާވަރެއްގެ ކަމެއްކަން، އަދި ދެވަނަ ފަހަރަށް ގޯސްކަމެއް ނުކުރަން ވެސް ވިސްނޭނެ، އެހެންވިޔަސް ދުވަހަކުވެސް އަހަރެން ބޭނުންވި ގޮތެއްނޫން މީ… ޝަފްޤާއަށް އަހަރެންގެ އެއްވެސް ބުރައެއް އުފުލަން ޖެއްސުމަކީ ދުވަހަކު ވެސް ބޭނުންވި  ގޮތެއްނޫން، ސިކުނޑި ފަޅައިގެންދާވަރުވެއްޖެ” ޝީރީނާއި ލަމްޔާގެ ވާހަކައަށް ހުއްޓުމެއް އައުމާއެކު އެމީހުންގެ ސަމާލުކަން ކުއްލިއަކަށް ކޮޓަރީގެ ދޮރާދިމާލަށް އަމާޒުވިއެވެ.

“މަންމާ…” ދޮރުމަތީ ތިބި ރީމް އާއި ރުވާއެވެ. އެ ދެބެންނަށް ޝީރީނު ރޮނީކަން އެނގުމާއެކު ދެލޯ ބޮޑުކޮށްގެން ބަލަން ތިބެވުނީއެވެ. ބުނަން އައި ވާހަކަމަތިން ވެސް އެ ކުދިން ހަނދާންނެތުނު ކަހަލައެވެ. މިނޫނީ ދުވަހަކު ވެސް ޝީރީން ރޮނިކޮށް އެ ކުދިން ނުދެކެއެވެ. ކުއްލިއަކަށް ލަމްޔާ، އެ ދެކުދިންނަށް ގޮވާލާފައި އިހަށް އެތަނުން ދިއުމަށް އެދުނެވެ. ޝީރީން ދެއަތުން މޫނު ފޮހެލުމާއެކު ލަމްޔާއަށް ބަލާލިއެވެ.

“މަންމަ އެނދުގައި އޮވެލާފައި މިދަނީ، ދަރިފުޅު ދާންވީނު ރީމް އާއި ރުވާ އެ އައި ކަމެއް އޮޅުންފިލުވާލަން” ޝީރީން ބޭނުންވީ އެކަނިވެލަންކަން ލަމްޔާއަށް އެނގުނެވެ. މަޑުމަޑުން ބޯޖަހާލުމާއެކު ޝީރީންގެ ގާތުން ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

* * * *

“ޒަހުރާ… ޒަހުރާ… ކޮބާ ލޫތުގެ ކޮޓަރި ނިމުނީތަ؟ އޭނާ އަންނަންވާއިރަށް ހުރިހާތަނެއް ހުންނަންވާނީ ތަރުތީބު ކުރެވިފައި” ސިޓިން ރޫމު ސޯފާގައި ކުރުއަތްމައްޗަށް ކަހަލަ ގޮތަކަށް ޝަފްޤާ އޮވެ އޭނާގެ ގާތަށް އައި ޒަހުރާއާ ވާހަކަދެއްކިއެވެ.

“ދައްތާ، ހުރިހާކަމެއް އަދި ނުނިމޭ، އެކަމުގައި އުޅެނިކޮށް ޒީވާއަށް ކޮޓަރި ތައްޔާރުކުރަން ޖެހުނީ، އެއީ ދައްތައަށް ބޮޑުދައިތަކިޔާ ކުއްޖެއް ދޯ، ކުރިން ކީއްވެތަ މިގެއިން ނުފެންނަނީ، އަލަށްތަ މާލެ އެއައީ؟” ޒަހުރާއަށް ނުބައި އެއްޗެއް ބުނެވުނީކަން ޝަފްޤާގެ މޫނުމަތިން ފެނިގެން ދިޔައެވެ.

“އޭނަތަ ބުނީ ތިހެން؟، ކޮންމެހެން މާގިނަ ވާހަކަތަކެއް އޭނާއާ ދައްކާނެކަމެއްނެތް، އެއީ ކުޑަދުވަސްކޮޅަކަށް މިގެއަށް ގެނެސްފައި ހުރި މީހެއް، ޒަހުރާ ވެސް ހަވާލުކުރި މަސައްކަތް ކުރެވޭތޯ ބަލާ، މިހާރު އެކޮޓަރި ނިމިއްޖެއެންނު، އެހެންވީމަ ދެން ދޭ ލޫތުގެ ކޮޓަރި ތައްޔާރުކުރަން، މަތީ ޓެރެސްގައި ހުރި ބޮޑުކޮޓަރި ވެސް ސާފުކުރާތި، އެތަނުގައި ހުރި ގަސްމުށިތަކުން އެއްބައި ބޭރަށް ނެރޭތި، އެއީ ލޫތު މިއުޒިކު ކުޅޭ ކޮޓަރި، އެތާ ހުރި ސާމާނުތަކުގެ މަތީގައި އަޅާފައި ހުރި ފޮތިތައް ވެސް ނަގާ ހިރަފުސްފޮޅާފައި ނޫނީ އަލުން ނާޅާތި…. ދެން ދޭ” ޝަފްޤާގެ މޫޑު ގޯސްވެއްޖެއެވެ. ޒަހުރާ ލޮލުކުރިމަތިން ގެއްލޭއިރަށް އޭނާ ފުންމައިގެން ތެދުވިއެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލި އަޑުއިވިފައި އެނދުގައި ކުރުގެޅިލައިގެން އޮތް ޒީވާ ބޯހިތްލާ ބަލާލިއެވެ. ޝަފްޤާ ފެނުމުން ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. ހީވީ ބިރުން މީހަކު ކޮޅަށް ޖެހުނު ހެންނެވެ.

“ކަލޭ މިގޭ ހުރިހާ އެންމެން ކައިރީ މަ މީ ކަލޭގެ ބޮޑުދައިތައޭ ކިޔާނެކަމެއްނެތް، މަށަށް ވެސް ލަދު ތިކަހަލަ މުޑަދާރު އަންހެނަކު ބޮޑުދައިތަ ކީމަ، ޝީރީން ވެސް އުޅޭނެ އަދި މާ ދަރިންނަށް ތަރުބިއްޔަތު ދެވޭ މީހަކަށް ވެގެން، އެކަން އެބަ ފެނެއެންނު، ބުނަން، މިގޭގައި އުޅެންޏާ އުޅެންވާނީ ކަލެއަކީ ކާކުކަން މިގޭ މީހުންނަށް ނޭނގި، ބަދިގޭގައި ކާއެއްޗެހި ހުންނާނެ، ބަނޑުހައިވަންޏާ އަމިއްލައަށް ހަދައިގެން ކައި، ޒަހުރާ މިތަނަށް ކޮންމެ ދުވަހަކު ފެންވައްދާނެ، އެއީ ކަލެއަށް ލިބޭނެ ޚިދުމަތަކީ، އެހެން ހުރިހާކަމެއް ކަލޭ ކުރަންޖެހޭނީ އަމިއްލައަށް، މިގެއަކު ނޫޅެވޭނެ ކަލޭ ބޭނުންހާ ގޮތަކަށް، އަދި ބުނަން މަގޭ ލޫތު އަންނާނެ ވަރަށް އަވަހަށް، އޭނާ ފެންނަ ހިސާބަށް ވެސް ކަލޭ ނިކުމެގެން ނުވާނެ، ޒަހުރާ ވެސް އަހަންނަށް ކިޔަނީ ދައްތަ، ކަލޭ ވެސް ދައްތަ ކިޔާނީ، އިތުރު އެއްޗެއް ކިޔައިގެން ނުވާނެ، ހަނދާންކުރާތި، މިގެއިން އެއްޗެއް ގެއްލިއްޖެއްޔާ މަގޭ ހުރިވަރު ވެސް ކަލެއަށް ދައްކާލާނަން، މަށަށް އެނގެޔޭ ތިކަހަލަ މީހުންގެ ވައްތަރު” ޝަފްޤާ ކުރިއަށްވުރެ މޫނު ހަދާލިއެވެ. އިރުކޮޅަކު ޒީވާއަށް ބަލަންހުރެފައި އެއްފަރާތުން ހައުސްކޯޓުގަނޑު ހިއްލާލަމުން ބާރަށް ހިނގާފައި ކޮޓަރިން ނުކުންނަމުން “ބަން”ކިޔާފައި ދޮރުޖަހައިފިއެވެ. އެއަޑުން ޒީވާއަށް ސިހުންލިބިގެންދިޔައެވެ.

“ކީއްވެތަ އެއްޗެއް ގެއްލެންވީ، އަހަންނަކީ ވައްކަން ކުރާނެ މީހެއްނޫން…” މަޑުމަޑުން އެނދުގައި އޮށޯވެލަމުން ޒީވާގެ ހިތާ ސުވާލުކޮށްލެވުނެވެ. އިތުރަށް ޒީވާ ކަންބޮޑުވާންޖެހޭ ކަމަކަށް އެކަން ވެގެން ދިޔައެވެ. އެގެއިން އެއްޗެއް ގެއްލިއްޖެއްޔާ ޔަޤީނުން ވެސް އެޅޭނީ ޒީވާގެ ބޮލުގައިކަން މިހާރު އޭނާއަށް އެނގިއްޖެއެވެ. އަވަހަށް ގެއަށް ދާން އޭނާ ބޭނުންވިއެވެ. ޝަފްޤާގެ ގާތުގައި އޭނާއަށް ކެތްވާނީ ކިހާ ދުވަހަކު ކަމާމެދު ޚުދު އަމިއްލައަށް ވެސް ސުވާލު އުފެދެއެވެ. އަނެއްކޮޅުން ޝީރީން އޭނާ އެގެ ނޫން ދުރުހިލޭ މީހެއްގެ ގާތަށް ގެންދިޔަ ނަމައޭ ވެސް ހިތަށް އަރައެވެ.

* * * *

ޝަފްޤާމެން ގޭގައި ތިންދުވަސް ވޭތުވެގެން ދިޔައިރު ޒީވާއަށް ހަމަނިދި ނުލިބެއެވެ. އަބަދު ފޯނަށް ބެލެއެވެ. ނަމަވެސް އަކްމަލްގެ ފަރާތުން އެންމެ މެސެޖެއްހާ ހިސާބު ވެސް ނާދެއެވެ. އޭނާގެ ޚަބަރެއް ނުވާތީ ޒީވާއަށް ވެސް އިސްވެ މެސެޖެއްކުރާކަށް ނުކެރުނެވެ. އިތުރަށް އެ ދެމެދުގައި އޮތް ގުޅުން ކުރިއަށް ގެންދަން އަކްމަލް ބޭނުންނުވަނީއޭ ވެސް ޒީވާއަށް ހީވިއެވެ. އޭނާ ކޮޓަރިތެރޭގައި ހުރި ކުޑަދޮރެއް ހުޅުވާލައިގެން އިން އިރު އެ ގޭތެރެ މިއަދު ވަނީ ހަލަބޮލިވެފައެވެ. ޝަފްޤާގެ ފިރިހެން ދަރިފުޅު ލޫތު މާލެ އަންނާތީ އެކަމުގެ އުފަލުގައި އެނާ ހީވަނީ މޮޔަވެދާނޭ ހެންނެވެ. އެހެންވެ އޭނާގެ އުފާވެރިކަން ގެއްލުނަ ނުދޭން އޭނާ ވަނީ ޒީވާއަށް އިރުއޮއްސޭއިރު ކޮޓަރިން ބޭރަށް ނުކުންނަން މަނާކޮށްފައެވެ. އެއިން އެއްވެސް ކަމަކާ ޒީވާ އަޅައެއްނުލައެވެ. އެއަށްވުރެ އޭނާގެ ހިތުގައި ޖެހިފައިވަނީ އަކްމަލް ކަންތައްކުރާ ގޮތުންނެވެ. ވައިބަރގައި އަކްމަލް ފޮނުވާފައި ހުރި އޭނާގެ ފޮޓޯތައް ޒީވާއަށް ބެލުނު އަދަދެއް ނޭނގެއެވެ. ބައެއްފަހަރު އަކްމަލް ކުށްވެރިކުރެވެއެވެ. އޭނާ ޒީވާދެކެ ހަޤީޤީ ލޯބި ނުވަނީއޭ ވެސް ހިތަށް އަރައެވެ. ޒީވާގެ ޢާއިލާ މީހުން ބުނާހެން އޭނާއަށް ދިމާވި ހުރިހާ ކަމަކީ އަކްމަލް ރާވައިގެން ކުރިކަމެކޭ ވެސް ހިތަށް އަރައެވެ. އެހެންވިޔަސް ކުޑަހިނދުކޮޅެއްގެ ތެރޭ އަނެއްކާ ވެސް އެހިތް ބަދަލުވެއެވެ. އަކްމަލްދެކެ ވާ ލޯބި އެއަށްވުރެ ފުންވެފައި ވަރުގަދައެވެ. އޭނާ، ޒީވާއަށް އެފަދަ ލަނޑެއް ނުދޭނެއޭ ހިތްބުނެއެވެ. އެކަނިމާއެކަނި އިނދެ އޭނާ ދުނިޔޭން މޮޔަވާވަރުވެއްޖެއެވެ. ކުރާނެކަމެއް، ވާހަކައެއް ދައްކާލާނެ މީހަކު މިއަދު ނެތެވެ. ދުވަހަކުވެސް މިފަދަ އެކަނިވެރިކަމެއް ޒީވާއަށް ނުލިބެއެވެ.

“ހާއި މަމް…” ގޭތެރެއަށް ވަދެގެން އައި ލޫތު ހިނިއައިސްފައި ޝަފްޤާއަށް ގޮވާލިއެވެ. އަދި އައިގޮތަށް އައިސް ޝަފްޤާ ގާތްކޮށްލިއެވެ.

“އެންމެ ފަހުން ދަރިފުޅު ފެނުނު އިރަށްވުރެ މިހާރު އަދި މާ ވަރުގަދަ ވެއްޖެހެން ހީވޭ، މިހިރަ މަސްތަކެއް ދޯ” ދަރިފުޅުގެ ކަސްރަތީ ހަށިގަނޑު ފާހަގަކުރެވި ޝަފްޤާ ބުނެލިއެވެ. އެއާއެކު ލޫތު ހީނގަތެވެ.

“ހާއި ދޮންބޭ… އަހަރެން ބުނި މެކް ބްރޭންޑް އެއްޗެހި ގެނެސްދިނިންތަ” ތުއި ގޮތަކަށް އެތެރެއިން އައި ލޫނާ ބުނެލިއެވެ.

“ޔޫ ނެވާ ޗޭންޖު، އަދިވެސް ތިއުޅެނީ ބޭބީއިރުގައި ލީ ހެދުންކޮޅުތައް ލައިގެން، މަންމާ، މީނައަށް ތަންކޮޅެއް ދިގު ސޯޓުކޮޅެއް ގަނެދޭންވީނު، ނޫނީ ފޮތިގުޅަންވީނު” ސަކަގޮތަކަށް ލޫތު ބުނެލިއެވެ.

“ކޮންމެ ކުއްޖަކު އުޅެން ބޭނުންވާގޮތަކަށް އުޅުމުގެ މިނިވަންކަން މަންމަ ދިނީމެންނު” ޝަފްޤާ މާބޮޑުކަމަކަށް ނެހެދިއެވެ.

ޝަފްޤާއާއެކު ސިޑިން މައްޗަށް އަރަން ލޫތު ވެސް ހިނގައިގަތެވެ. ގޭގައި ގެންގުޅޭ ބިދޭސީ އަބްރާ، ލޫތުގެ ފޮށިތައް ހިފައިގެން އެމީހުންނަށްވުރެ ކުރިން ސިޑިން އަރައިގެން ހިނގައްޖެއެވެ. ދެމައިން ވާހަކައިގެ އައިސް ލޫތުގެ ކޮޓަރިއަށް ވަނެވެ. ލޫނާ ހުރީ އޭނާގެ ބޭބެ ފޮށި ހުޅުވާނޭ އިރަކަށް ކެތްތެރިކަން ކުޑަވެފައެވެ. އެންމެފަހުން ނުހުރެވިގެން ޝަފްޤާގެ ވާހަކަ މެދުކަނޑާލާފައި ލޫނާ ވާހަކަދައްކަން ފެށިއެވެ.

“ޕްލީޒް ދޮންބޭ، މިއަދު ހެނދުނުންސުރެން އަހަރެން މިހުންނަނީ އިންތިޒާރުގައި، ދެން އިތުރަށް ލަސްނުކޮށް ދޭންވީނު، ޕްލީޒް” އުނަގަޑުގައި ދެއަތްވިއްދާލުމާއެކު ލޫނާ ބުނެލިއެވެ.

“މީ ފިސާރި އަންހެނެއް” ޝަފްޤާ ހިތްހަމަނުޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ.

“މަންމާ، އޭނާ މިތަނަކުން ނުދާނެ އޭނާގެ އެއްޗެހި ނުލިބެނީހެއް” ލޫތު މިހެން ބުނެ ކޮނޑުގައި އޮތް ދަބަސް އެނދުމަތީ ބޭއްވުމާއެކު ބޮޑުފޮށި ހުޅުވާލަން ތައްޔާރުވެލިއެވެ.

“މިކޮޅަށް އަންނަން ކައިރިވެފައި ހުރީމާ އެއްޗިހި ނުދޮވުނީ، އެހެންވެ ވަރަށް ގިނަ ހެނދުން ދާވެފައި އެބަހުރި” ފޮށިހުޅުވާލާފައި އެއިން އެއްޗެހިތައް ވަކިކުރަމުން ލޫތު، ޝަފްޤާއަށް ބުނެލިއެވެ.

“ރަނގަޅުވާނެ، މަންމަ އިރުކޮޅަކުން ޒަހުރާ ފޮނުވާނަން އެއްޗެހި ބަލާ، މިހާރު މިދަނީ ބަދިގެފަރާތަށް، ދަރިފުޅު ތާޒާވެލައިގެން އަންނަންވާއިރަށް މޭޒުމަތިތައްޔާރުކޮށްލަން” ޝަފްޤާ މިހެންބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ލޫތު އޭނާގެ ފޮށިން ބަންދުންކޮށްފައި އޮތް ކަރުދާސްފޮށިގަނޑެއް ނެނގި ގޮތަށް ލޫނާއަށް ދިއްކޮށްލިއެވެ.

“ދެން ނުބުނާތި މަގޭ ކައިރީ މިކަހަލަ އެއްޗެހި ހޯދަން، ބައްޕަ ގާތު ބުނަނިކޮށް ލޫނާ ބޭރަށް ފޮނުވާދީފާނެ ޝޮޕިންކުރަން” ލޫތު ބުނެލިއެވެ. އޭނާ ދެއްކި ވާހަކައަކަށް ލޫނާ އެއްވެސް ސަމާލުކަމެއް ނުދިނެވެ. ވަގުތުން އެފޮށިގަނޑު ހިފައިގެން ހިނިއައިސްފައި ހުރެ ފުންމަމުން ކަހަލަ ގޮތަކަށް އެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ދެފަރާތަށް ބޯހޫރާލި ލޫތު ތެދުވެގެން އައިސް ހުޅުވާފައި ހުރި ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

ލޫތަކީ ފުރިހަމަ އިސްކޮޅަކާއި ކުލައަލި ހަންގަނޑެއްގެ ވެރިއެކެވެ. ހަށިގަނޑުގެ މަސްތައް ރީތިކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭއިރު ކުޑައިރުއްސުރެ އޭނާގެ ލޯބި ޖެހިފައިވަނީ މިއުޒިކު ކުޅުމަށެވެ. މާލޭގައި ހުރެއްޖެނަމަ އޭނާގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ މިއުޒިކީ ސާމާނުތަކާއެކުއެވެ. މައިންބަފައިން ވަނީ އޭނާގެ އެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދީފައެވެ. ބޭނުންވެގެން އެއްޗެއް ނުލިބިފައި ހުންނާކަށް ނުޖެހެއެވެ. އެހެންވެ މިހާ ތަނަށް އައިއިރު ލޫތު ބޭނުންވެއްޖެ ކޮންމެ އެއްޗެއްމެ އޭނާ ވަނީ ހާޞިލުކޮށްފައެވެ. އަމިއްލަ އެއްޗެއްކަމުގައި ހަދާފައެވެ.

ހުރިހާ އެއްޗެއް ތަރުތީބުކޮށްލުމަށްފަހު ފާޚާނާއިން ފެންވަރާލައިގެން ލޫތު ނުކުތެވެ. ރީތިވާ މޭޒުދޮށަށް ޖެހިލަމުން އޭގެ ކައިރީ ހުރި އިސްކޮޅުވަރު ބޮޑު ލޯގަނޑަށް ބަލަހައްޓައިގެން ހުރެ އޭނާގެ ބުޅި އިސްތަށިތައް ސްޓައިލްކޮށްލިއެވެ. އަދި އަލަމާރީގައި އަޅުވާލި ޓީޝާޓުތަކުގެތެރެއިން މަޑުކުރީމު ކުލައެއްގެ ޓީޝާޓެއް ނަގާ ގަޔަށް ހެޔޮވަރުކޮށްލިއެވެ. އޭރު އޭގެ މޭމަތީގައި ހެޔޮވަރު ވަރުގެ ގިޓައެއް ކުރަހާފައި ހުއްޓެވެ. ނުވިތާކަށް ހީވަނީ ލޫތުގެ ހަށިގަނޑަށް ކަނޑައި ފަހާފައި ހުރި ޓީޝާޓެއް ހެންނެވެ. ފަހުކަމެއްގެ ގޮތުން ސެންޓުޖަހާލުމާއެކު ކޮޓަރިން ނުކުންނަން ލޫތު ހިނގައިގަތީ ފޯނާ ކުޅެމުންނެވެ.

އިނގިރޭސި ލަވައެއްގެ ރާގުކޮޅެއް ތުނބުން ފުމެމުން ކޮޓަރީގެ ދޮރުލައްޕާލާފައި ހޯލްވޭއިން ތިރިއަށް ދިއުމަށް ހުރި ސިޑިއާ ދިމާލަށް ހިނގައިގަތް ވަގުތު އެއްފަރާތުގައި ހުރި ކޮޓަރިއެއް ހުޅުވާފައި ނިކަން އަވަހަށް ލެއްޕިތަން ލޫތަށް ފެނުނެވެ. ސިހިފައި ހުއްޓެވުމާއެކު އޭނާ އެ ދިމާލަށް ބަލަންހުއްޓެވެ. ލޫނާ އާއި އޭނާ ފިޔަވައި އެބައިގައި ދެން އުޅެނީ އެމީހުންގެ މައިންބަފައިންނެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ލޫތު އައިސް ޒީވާ ހުރި ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނެވެ. އެހެންނަމަވެސް ދޮރުހުރީ ތަޅުލާފައެވެ. އެއާއެކު ލުއި ހިނިތުންވުމެއް ލޫތުގެ ތުންފަތުގައި ދުވެލިއެވެ. ދެފަރާތަށް ބޯހޫރާލާފައި އޭނާ ކުރިއަށް ހިނގައިގަތީ އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމައިގެންނެވެ.

* * * *

ބަންދުގައި ހުރެފައި ދޫކޮށްލިތާ ހަފްތާއެއް ފަހުން އަކްމަލްގެ އޮފީހުން އޭނާ އުޅޭ އެޑްރެސްއަށް ސިޓީއެއް ފޮނުވިއެވެ. ކަންދިމާކުރި ގޮތުން އެއާ ހަވާލުވެވުނީ އޭނާއަށެވެ. އެ ސިޓީގައި ވަނީ އޭނާ ވަޒީފާއިން ވަކިކުރި ކަމަށެވެ. އެއްވެސް އުޒުރަކާއި ނުލާ އޮފީހަށް ނައިސް ހުރުމުގެ ސަބަބުންނެވެ. ސިޓިން ރޫމު ދޮރުމަތީ ހުރެ ވަގުތުން އަކްމަލް އެ ސިޓީ ބޮނޑިބޮނޑިކޮށްލާފައި އެއްލާލިއެވެ. އެހިނދު ބޯޅައެއްހެން އޮތް އެ ކަރުދާސްގަނޑު އައިސް ޖެހުނީ ދޮރޯށިން ވަން ވާފިރުގެ ފައިބުޑަށެވެ. ހައިރާންވެފައި ހުރެ އޭނާ އަކްމަލްއަށް ބަލާލިއެވެ. އެއްވެސް ވާހަކައެއް ދެއްކުމަކާނުލާ ވާފިރަށް އޭނާގެ ދަރިފުޅުގެ މޫނުމަތިން އެތަށްކަމެއް އެނގިގެން ދިޔައެވެ. ފައިބުޑުގައި އޮތް ކަރުދާސްގަނޑު ނަގާ ނިއުޅާލަމުން އޭގައި އޮތް އެއްޗެއް އޭނާ ކިޔާލިއެވެ. ފުންނޭވާއެއް އޭނާއަށް ބޭރުކޮށްލެވުމާއެކު ދަރިފުޅުގެ ހާލާމެދު އިތުރަށް ހަމްދަރުދީ ވެވުނެވެ.

“އަކްމަލް، ދަރިފުޅާ…” އަކްމަލް އެތެރެއަށް ހިނގައިގަތުމުން އޭނާގެ ފަހަތުން ވާފިރު ގޮވާލިއެވެ. ނަމަވެސް ހުއްޓުމެއްނެތި އަކްމަލް ދިޔައީ ސިޑިން މައްޗަށް އަރާށެވެ.

“ދަރިފުޅާ، ބައްޕަގެ އަޑު ނީވޭތީތަ ތިދަނީ، އަކްމަލް، އާދެބަލަ މިކޮޅަށް” ވާފިރު އަމުރުވެރިގޮތަކަށް ބުނެލިއެވެ.

“އަކްމަލް، ދަރިފުޅާ… އަދި ތިއުޅެވެނީ ރަނގަޅަކަށްނޫން، އިންސާނުންނާ ބޮޑެތި ކަންތައްތަކާއި ދިމާވާނީ ވެސް، އެހެނޭ ކިޔާފައި ތިޔަހެން ކަރުއެލުވާލީމާ ކިހިނެއްވާނީ، ވަރަށް ކެތްތެރިވާންޖެހޭނެ، ބައްޕަ ވަރަށް ދެރަވޭ ޒީވާ އާއި ދަރިފުޅަށް ކަންތައްވީގޮތުން، އެކަމަކު ނާއުންމީދުވެގެން ތިޔަހެން އާވާރާއެއްހެން އަކްމަލް އުޅޭތަން ދެކޭކަށް ބައްޕަ ބޭނުމެއްނޫން، ދަރިފުޅު އަލުން ދިރުއުޅުމާއިގެން ކުރިއަށްދާންވީ، ޒީވާ އާއި ދެކުދިން ދެން ލަސްނުކޮށް އަވަހަށް ކައިވެނިކުރަން ބައްޕައަށް ފެންނަނީ، އެއްވެސް ކަމަކާ ދަރިފުޅު ހާސްވާނެކަމެއްނެތް، ބައްޕަ ހުރިހާ ޚަރަދެއްގައި ހިފާނަން، ދަރިފުޅު ބޭނުމިއްޔާ ބައްޕަ މިއުޅޭ އޮފީހުން ވަޒީފާއެއް ވެސް ހަމަޖައްސައިދީފާނަން، އެމީހުން އެބައުޅޭ އެތަނުގެ އައު ބްރާންޗެއް ހުޅުވަން، ހުރިހާ ކަމެއް ވެސް މަޑުމަޑުން ހަމަޖެހިދާނެ….” ވާފިރުގެ ވާހަކަތުން އަކްމަލްއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އޭނާ ވާފިރުގެ ވާހަކަމެދުކަނޑާލިއެވެ.

“ނުވާނެ ރަނގަޅެއް…. އޭރާއި މިހާރާއި އެތައްކަމެއް ބަދަލުވެއްޖެ، އެކަކަށް ވެސް ނުވިސްނޭނެ، އަހަރެން ބޭނުމެއްނޫން އެއްވެސް މީހެއްގެ އެހީތެރިކަމެއް… ހެޔޮނުވާނެ، އަހަރެންގެ ހާލާއިގެން އުޅެން ދޫކޮށްލަ ފާނަންތަ…” އަކްމަލްގެ ވާހަކަތައް ހުރި ގޮތުން ވާފިރު ކަންބޮޑުވިއެވެ. ދަރިފުޅުގެ ޠަބީޢަތަށް އައިސްފައިވާ ބޮޑު ބަދަލު ވިސްނިފައެވެ.

ވާފިރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަކްމަލް ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު އެތަނަށް ނަބީހާ ނުކުތެވެ. އަދި އަކްމަލްގެ އުޅުމާމެދު ފާޑުކިޔަން ފެށިއެވެ. ވާފިރަށް އެކަމުގެ ސަބަބުން ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ.

“ނަބީހާއަށް ދަރިންގެ ކަންތައް ރަނގަޅަށް ބެލުނުނަމަ މިހެނެއްނުވީސް، އަހަރެންގެ ބޯހަލާކުކުރާކަށް ތިޔަ ބަނދިވަރެއް ދަމާނެކަމެއްނެތް، ކުދިންގެ މެދުގައި ބައިބައިވުން އުފެދި، ޢާއިލާގައި ކިރިޔާ ވެސް ހަރުދަނާކަމެއް ހުރި ހަމައެކަނި ދަރި މިހާރު ހަލާކުވެ އެހެރަދަނީ… މި ގޭގައި އިނދެ ނަބީހާއަށް ޢާއިލާގެ މަސްލަހަތު ނުބެލެހެއްޓިގެން ވީގޮތެއް ނޫންތަ މީ، ކީއްވެތަ ހަމައެކަނި ހުރި އަންހެން ދަރިފުޅުގެ ކަންތައްތައް ނަބީހާއަށް ނުބެލެންވީ، އަކްމަލްގެ އުޅުން އެހެރަ ބަދަލުވަނީ، އަހަންނަށް ކުރެވޭނެކަމެއްނެތް… އޭނާ އެންމެނާ އެކަހެރިވަމުން އެދަނީ އަހަރުމެންގެ ކުރިމަތީގައި، ތިއީ އެ ދަރިފުޅު މި ދުނިޔެއަށް އުފަންކުރި މައިމީހާ، ގައިމު ބުނޭ ދަރިންނާއި، އެކުދިންގެ މައިންނާ ދެމެދު އޮންނަ ކުލުނަކީ ބަފައެއްގެ މައްޗަށް އޮންނަ ކުލުނަށްވުރެ މާ ޚާއްޞަ ގުޅުމެކޭ، އެކަމަކު ނަބީހާގެ ހިތަށް ކުޑަ ވެސް އެއްޗެއް އަރާތަ… ޑްރާމާ ބަލާލާފައި ދެތިން ނިދިގަނޑު އަޅާލީމާ ނަބީހާއަށް ފުދުނީ، އަމިއްލަ މީހާއަށް ފަރުވާއެއް ނެތްއިރު ދަރިންނާމެދު ނަބީހާއަށް ވިސްނޭނެތަ” ފޫހިވެފައި ހުރި ރާގެއްގައި ވާފިރު މިހެން ބުނުމުން ނަބީހާއަށް ހުއްޓުން އެރިއެވެ. ދުވަހަކު ވެސް އޭނާ ހުންނަ ގޮތަށް ވާފިރު ފާޑުކިޔާފައެއް ނުވެއެވެ. އެ ދެމަފިރިންގެ ދެމެދަށް ދުރުކަމެއް އައިސްފައިވާކަން ޚުދު ނަބީހާއަށް ވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެއީ ބޮޑުކަމަކަށް ހަދަން ނަބީހާ ބޭނުންނުވީއެވެ. ނަމަވެސް މިއަދު ވާފިރުގެ ބަސްތަކުން ނަބީހާއަށް އަސަރުތަކެއް ކުރުވައިފިއެވެ. މަޑުމަޑުން ސިޓިން ރޫމު ސޯފާގައި ނަބީހާއަށް އިށީނދެވުނެވެ. ވާފިރު ފަރުވާލެއްނެތި ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި ވާފިރު ކޮޓަރިން ނިކުމެގެން ދިޔައީ ވެސް ނަބީހާ ހަމައެގޮތަށް ސޯފާގައި އިންދައެވެ.

“ހެލޯ ޕާޓް…” އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ހިމަތޮޅިކޮށް ދިގު އިސްކޮޅެއް ލިބިފައި ހުރި ޒުވާނަކު އައިސް އަކްމަލްގެ ގާތުގައި ހުއްޓިލިއެވެ.

“ތީކާކުކަމެއް ނޭނގުނު” އާޓިފިޝަން ބީޗުކައިރީ ޖަހާފައި ހުރި ކުޑައެއްގެ ދަށުގައި އެއްފައި ނަގައިގެން އިށީނދެ އިން އަކްމަލް އޭނާގެ ކުރިމަތީ ހުރި ޒުވާނާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“މަށެއްވެސް ކަލޭ ނުދަންނަމޭ، އެކަމަކު މިތަނުން މާގިނައިން ފެންނާތީ ގޮވާލީ، މިތާ އަހަރެން އިށީނދެލަންތަ؟ މިއަދު ހުރިހާ މިހިސާބުގަނޑު ގޮނޑިތައް ވަރަށް ފުލް” އެ ޒުވާނާ ވަރަށް ހަމަޖެހިލާފައި ހުރެ ބުނެލިއެވެ. އަކްމަލް ބޯޖަހާލީ އާނއެކޭ ބުނެލުމަށެވެ.

“އަހަންނަށް ކިޔަނީ މުސްލިމު، އެކަމަކު ހުރިހާ ރައްޓެހިން ކިޔައި އުޅެނީ މަންޑޭ، ވަރަށް ގިނައިން އަހަރެން މިތަނަށް އަންނަން، މަދު ފަހަރަކު ނޫނީ އަހަންނަށް ކަލޭ މިތަނުން ނުފެނިއެއް ނުދޭ، މިތާ ކައިރީތަ ގެ ހުންނަނީ” މުސްލިމު ރައްޓެހިކަން އުފެއްދުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަކްމަލް އިނީ ދެ ޚިޔާލެއްގައެވެ. މުސްލިމަކީ ކޮންކަހަލަ މީހެއްކަން ނޭނގޭތީ އާއި އޭނާގެ ބޭނުމަކި ކޮބާތޯ ނޭނގޭތީ އޭނާއާ ވާހަކަދައްކަން ބޭނުންނުވެފައެވެ.

“ކިހިނެއްވީ؟ މިތަނަކީ އަހަރެން ނޫނަސް އެތައްބަޔަކު އަންނަތަނެއް، ކަލޭ އެ ހުރިހާ މީހުންނާ ވެސް ވާހަކަދައްކަންތަ؟” އަކްމަލް ބުނެލިއެވެ. އެއާއެކު މުސްލިމު ލުއިގޮތަކަށް ހީނލިއެވެ.

“ޕާޓު، ނެއްޓީތަ؟ ސޮރީ އިނގޭ، ދެން އެއްވެސް ސުވާލެއް ނުކުރާނަން، އެކަމަކު އަހަރެންނަކީ ކާކުކަން ބުނެދީފާނަން، އަސްލު އަހަރެން މިތަނަށް އަންނަނީ ބޯހަމަޖައްސާލަން، އަހަރެންގެ ގެ ހުންނާނީ މިތާ ކައިރީ، އެކަމަކު ގެއެކޭ ބަކަރިކޮށްޓެކޭ އެއްވަރުވާނެ، ބައްޕަ ނިޔާވިފަހުން ދޮންބައްޕަ ގޭގެ ހުރިހާކަމެއް ކޮންޓްރޯލުކުރަނީ، ގޭގައި ހުރިއްޔާ އަބަދު އިވޭނީ ޒުވާބުކޮށް ހަޅޭލަވާއަޑު، ރައްޓެހިންނާއެކު ބޭރުގައި އުޅެވެނީ ވެސް އެހެންވެ، މަންމަމެން ވަރަށް އެއްޗެހިކިޔާނެ، ދޮންބައްޕަ ބައެއްފަހަރު އަނިޔާ ވެސް ކުރާނެ، އެކަމަކު އެމީހުންނަކަށް ނޭނގޭނެއެންނު އަހަރެން ހިތްހަމަޖެހޭވަރެއް ދޯ، އަހަންނަށް ކަލޭ ފެންނަން ފެށިތާ ދުވަސްކޮޅެއްވެއްޖެ، ކަލޭ އިންނަގޮތް ފެނިފައި އަހަންނަށް އެނގުނު ތިއުޅެނީ ބޯގޮވައިގެންކަން، މިތަނަށް އަންނަނީ އަހަރެން ގޮތަށް ބޯހަމަޖައްސާލަންކަން، ދުވާލުގަޑީގައި އަހަރެންގެ ހުރިހާ ރައްޓެހިންކަހަލަ ގޮތަކަށް ތިބޭނީ ނިދާފައި، އެމީހުންގެ ޚަބަރެއްވާނީ އިރުއޮއްސި ހަތެއް އަށެއް ޖަހާލާފަހުން، އަހަރެން މިތަނަށް އައިތަނާ ކަލޭ ފެނުނީމާ ހިތަށް އެރީ ވާހަކަދައްކާލާނިއްޔޭ، ކޮންމެހެން ކަލޭއަތުން އެއްޗެއް ބޭނުންވެގެނެއްނޫން މިއުޅެނީ…. އެކަނި އިނުމަށްވުރެ މީހަކާ ވާހަކަދައްކާލީމާ ފޫހިކަންފިލާ، އިއްތިފާގަކުން މިއަދު މިތަންކޮޅު ނޫނީ އިށީންނާނެ ތަންފުކެއް ނުލިބުނީ… ކަލޭތީ މާ ގިނައެއްކޮށް އަނގަތަޅައެއް ނުހަދަން ދޯ” މުސްލިމު ބުނެލިއެވެ. އޭނާގެ ވާހަކަތައް އަކްމަލް އަޑުއެހިއެވެ. އެހެންނަމަވެސް އެއީ ތެދުކަން ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. މީހަކު ދިމާވާއިރަށް އެހާ ފަސޭހައިން ތިމާގެ ވާހަކަތައް އެގޮތަށް ކިޔައިދޭނެކަމާމެދު އަކްމަލްއަށް ޝައްކެވެ. އެހެންވީމާ މުސްލިމު އޭނާއަށް ދޮގު ވެސް ހަދާފާނެއެވެ.

އަކްމަލް އެތަނުގައި އިންހާ އިރަކު އޭނާގެ ގާތުގައި މުސްލިމު އިނެވެ. އަކްމަލް އޭނާއާ ވާހަކަނުދެއްކުމަކީ މައްސަލައެއް ކަމުގައި އޭނާ ނުދެކެއެވެ. އޭނާގެ އަމިއްލަ ވާހަކަތައް ދައްކަމުން ދިޔައީ އެއްވެސް ފޮރުވުމަކާއި ނުލައެވެ. ބައެއްފަހަރު މުސްލިމަކީ ކޮންކަހަލަ މީހެއްކަމާމެދު ވެސް އަކްމަލް ސުވާލުއުފެދެއެވެ. އެހެންނަމަވެސް މުސްލިމު ބުނިހެން އެކަނި އިނުމަށްވުރެ އިތުރު މީހަކު އިނުމުން ފޫހިފިލައެވެ. މުސްލިމުގެ ވާހަކަތަކުން އަކްމަލްގެ ޚިޔާލުތަކާއި ދުރުވާން ވަގުތުކޮޅެއް ލިބުނެވެ. ބައެއްފަހަރު ވަރަށް ހިނިއަންނަ ޒާތުގެ ވާހަކަ ވެސް މުސްލިމު ދައްކައެވެ. އޭނާއަށް ދިމާވެފައި ހުރި ދެރަކަންތައްތަކުގެ ވާހަކަ ވެސް އެއްވެސް ޖެހިލުމެއްނެތި އަކްމަލްއާ ހިއްޞާކުރިއެވެ. ދުނިޔޭގައި އަކްމަލް ނޫނަސް ނާއިންސާފުން ކަންކަން ކުރިމަތިވެފައި ތިބި މީހުން އުޅޭކަން އަކްމަލްއަށް މުސްލިމުގެ ވާހަކައިން އެނގުނެވެ. އޭނާ ތެދުވެގެން ގެއަށްދާން ހިނގައިގަތުމުން ވެސް މުސްލިމު ދާން ނޫޅެ އިންތަނުގައި އިނީއެވެ. އޭނާ އަކްމަލް ގާތު އަދި ދިމާވާނެތޯ އަހާލިއެވެ. އެއަށް އަކްމަލް ވަކި ޖަވާބެ ނުދިނެވެ.

ގެއަށް އައިސް އަކްމަލްއަށް ވަދެވުނީ އަދީލުގެ ކުރިމައްޗަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ހީވީ އަކްމަލްގެ ދެލޮލުން އަދީލުގެ ފުރާނަ ދަމައިގަންނަން ބޭނުންވެފައި ހުރި ހެންނެވެ. ވީގޮތެއް އަދީލަށް ނޭނގުނެއްކަމަކު އޭނާއަށް ވެސް އަކްމަލްގެ ލޮލުން ފެނިގެންދިޔަ ނަފުރަތުގެ ކުލަވަރު ފާހަގަކުރެވުނެވެ. ސުވާލެއް ކުރަން ބޭނުންނުވީ އަކްމަލް ރުޅިއައިސްފައި ހުރިކަން އެނގޭތީއެވެ. އެހެންވެ އަދީލު ހިނގައިގަތީ އޭނާގެ ކަރުގައި އޮތް ޓައީ ނަގަމުން ކޮޓަރިއާ ދިމާލަށެވެ. އަކްމަލް ގެއަށް ގެނައިފަހުން އަދީލަށް ފެންނަނީ ވަރަށް މަދުފަހަރަކުއެވެ. ފެންނަ ފަހަރެއްގައި ވެސް އަކްމަލް ހުންނަނީ އޭނާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން އެނގެއެވެ. ކުޑަކޮށްވެސް އެއީ ކޮންކަމަކާ ގުޅިގެންކަމެއް ވިސްނައިގަންނާކަށް އަދީލަކަށް ނޭނގުނެވެ. މިއަދަކީ އެހެން ދުވަސްދުވަހަށްވުރެ އޮފީހުގައި ބުރަދުވަހަކަށް ވުމުން ގެއަށް އާދެވުމާއެކު އޭނާ ހުރީ ޖައްސާލަން ބޭނުންވެފައެވެ. އޮފީހުން ގެއަށް އާދެވުނީ ވެސް އެހާ ލަހުންނެވެ. ނަމަވެސް ކޮޓަރިއަށް ވަދެ އަދީލަށް ރަނގަޅަށް ދޮރު ނުލެއްޕެނީސް އަކްމަލް ދޮރުގައި އަޅާ ކޮށްޕާލިއެވެ. އެއާއެކު އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއިއެކު އަދީލު ނުވެއްޓުނީ ކިރިޔާއެވެ.

“ކިހިނެއްވެގެންތަ އަކްމަލް ތިއުޅެނީ” ވެފަހުރި ވަރުބަލިކަމުގައި އަދީލު ރުޅިއަންނަ ގޮތްވިއެވެ.

“މަށަށްތަ ކަމެއްވީ، ކަލޭ ދުވާލަކު އަންހެނެއް މިތަނަށްވައްދާއިރު އަހަރެން ނުބުނަންދޯ އެއްޗެއް…” އަކްމަލް ހަޅޭލަވައިގަތެވެ. ދެން ވެސް އަދީލަށް އަކްމަލް ބުނަން އެއުޅެނީ ކީކޭކަމެއް ނުވިސްނުނެވެ. އަނެއްކޮޅުން އަކްމަލް، އަދީލާ މުހާތަބު އެކުރީ މީގެ ކުރިން ދުވަހަކު ވެސް މުހާތަބުކޮށްފައިނުވާ ފަދަ ގޮތަކަށެވެ. އަދީލަށް ކުޑަ ވެސް އިހުތިރާމެއްނެތް ކަހަލައެވެ.

“އެއީ އަކްމަލްއާ ބެހޭކަމެއް ނޫން، މިގޭގައި ތިނޫނަސް މީހުން އުޅޭ، އެކަމަކާ ނުބެހެންނު، އަކްމަލް ވެސް އެހެން އުޅެންވީނު، އަހަންނެއް ނުދާނަން އަކްމަލް ހުއްޓުވާކަށް އަދި އަކްމަލް ކުރަނީ ކީއްތޯ ބަލާކަށް، ކޮންކަމަކާ ނައްޓައިގެންތަ ތިއުޅެނީ، އަހަރެން އަކްމަލްއަށް ކޮންކަމެއްކޮށްގެންތަ؟” އަދީލުގެ އަޑު ވެސް ގަދަވިއެވެ.

“ބަލަ ޒީވާއަކީ މަގޭ ހައްޤެކޭ، ކަލެއަށް އެވަރު ނޭނގޭތަ، އޭނާގެ ބަރަހަނާ ފޮޓޯތަކެއް ހަދައިގެން އުޅުނުއިރު އެއީ އަހަރެން އިންނަން އުޅޭ ކުއްޖާކަން ހަމަ ކަލެއަށް ނޭނގެނީތަ، އަހަންނަށް އެނގޭ ކަލޭ ކޮންމެހެން ޒީވާދެކެ ލޯތްބަކުން ނޫންކަން އެ ހުރިހާކަމެއް ކުރީ، ކަލެއަށް މީހަކު ދެކެ ލޯބިވެވޭނެތަ… އަންހެނަކާ ޖެހިއްޖެނަމަ ކަލެއަށް އެނގެނީ އެންމެކަމެއް، ބުނަން… އަހަރެން ދިރިހުއްޓާ ކަލޭ އެ ޢަމަލު ޒީވާއާއެކު ހިންގަން ހިތަށް ވެސް ނާރުވާތި… އެ ހުރިހާ ފޮޓޮއެއް ހަމަ މިހާރު ޑިލީޓްކުރޭ، އެހެންނޫނީ މަގޭ އަތުން ތިއޮތް ލެޕްޓޮޕު ފުނޑާލާނީ، ކަލޭމެން ކަހަލަ މީހުންނަށް ކަންކަން އެނގޭނީ މިގޮތަށް ކަންތައް ކުރީމަ” އަކްމަލް ރުޅި ގަދަވެގެން ގޮސް އޭނާގެ އެންމެ ކައިރީގައި ހުރި ރީތިވާ މޭޒުގެ ލޯގަނޑުގައި ޖެހިއެވެ. އެއާއެކު ކުދިކުދިވެގެން އޭގެ ބިއްލޫރިކޮޅުތައް ފައިބައިގަތެވެ.

ދެލޯ ބޮޑުކޮށްލެވުމާއެކު އަދީލަށް ވިސްނާލެވުނީދެނެވެ. އޭނާ އާއި ޒީވާގެ ދެމެދުގައި ހިނގައިދިޔަ ހުރިހާކަމެއް އަކްމަލްއަށް އެނގުނީކަން އަދީލަށް ޔަޤީންވިއެވެ. އެއްފަހަރު އަކްމަލަށް އަނެއްފަހަރު އެނދުގެ އެއްފަރާތު ކަބަޑުމަތީ އޮތް ލެޕްޓޮޕަށް އަދީލަށް ބަލާލެވުނެވެ.

“އަކްމަލް… ތީ މާކުރީގެ ވާހަކަތަކެއް، އެކަމުން ޒީވާއަށް ގެއްލުމެއްނުވެއެންނު، ބޭކާރު މީހުންގެ ފޮޓޮއެއް އަހަރެން މިހާރު ނުގެންގުޅެން” ހަމަޖެހޭގޮތް ދައްކަމުން އަދީލު ބުނެލިއެވެ. ހަޤީޤަތުގައި އެ ފޮޓޯތައް އަދިވެސް އޭނާގެ ލެޕްޓޮޕުގައި އެބަހުއްޓެވެ. އެހެންނަމަވެސް އިތުރަށް ޒީވާއަށް އެ ފޮޓޯތަކުން އުނދަގޫ ކުރާކަށް އޭނާ ގަސްދެއްނުކުރެއެވެ. އަދީލަށް ވިސްނުނު ގޮތުގައި ޒީވާއަށް ކަންތައް ދިމާވިގޮތުން މިހާރު އަދި އަމުދުން އޭނާއާ ގާތެއް ނުވާނެއެވެ.

“ކަލޭގެ ލަދު ހަޔާތް ވެސް ނެތީ ދޯ، ބޭބެއޭ ބުނަން ވެސް ލަދުގަނޭ، އަހަރެން ޤަބޫލެއްނުކުރާނަން ކަލޭ ބުނާހާ އެއްޗެއް، ހީކުރީ މަމީ އެހާ ގަމާރު މީހެއްކަމައްތަ؟ ގެނޭ ލެޕްޓޮޕު….”  ފަހުބަހާއިއެކު އަކްމަލް ކުރިއަށް ޖެހިލިއެވެ. އެއާއެކު އަދީލު އަވަސް އަވަހަށް ލެޕްޓޮޕު ނެގިއެވެ.

“އޯކޭ…އޯކޭ…. މިދައްކަނީ” އަދީލު އަވަސް އަވަހަށް ލެޕްޓޮޕު ހުޅުވާފައި އެ ފޮޓޯތައް އަކްމަލްއަށް ދެއްކިއެވެ. އަދި އަކްމަލްގެ އަތުން އެތަކެތި ފޮހެލުމަށް ދިނެވެ. ބޮޑު އަރައިރުމެއް ހިނގައި ގަޔަށް އަތްލާވަރު ނުވަނީސް އަދީލު ބޭނުންވީ ގޮތް ދޫކުރާށެވެ. ޒީވާއާ ހެދި އެވަރުގެ ކަމެއް ކުރަން އަދީލު ބޭނުންނުވީއެވެ. މިހާރު އޭނާއަށް ޒީވާ އެއްވެސް ވަރަކަށް މުހިންމު ނޫންވީމައެވެ.

“ކަލޭ ބޭނުންކަންތައް ވެއްޖެއެންނު، ދެން ނިކުމޭ މި ކޮޓަރިން” ލެޕްޓޮޕު ލައްޕާލުމާއެކު އަދީލު ހަރުކަށިކަމާއެކު ބުނެލިއެވެ.

“އަހަންނެއް ނޫޅެން މިތަނުގައި ހުންނަ ހިތަކުން…” އަދީލަށް ވަގުތުން ރައްދު ދިނުމާއެކު އަކްމަލް އެ ކޮޓަރިން ނިކުމެއްޖެއެވެ. މިއަދު ޢާއިލާގައި އަކްމަލް އަނގައިން ބުނަން ބޭނުންވާ ހަމައެކަކު ވެސް ނެތީއެވެ. އެންމެންގެ މަތިން ވަނީ ފޫހިވެފައެވެ. އަމިއްލަ ދިރިއުޅުން މަތިން ވެސް މެއެވެ.

* * * *

ޓެރެސްގައި ހުރި ވަށައިގެން ބިއްލޫރިޖެހި ބޮޑު ކޮޓަރީގައި ހުރި ފޮތިތައް ލޫތު ނެގިއެވެ. އެއާއެކު އެތަނުގައި ހުރި މިއުޒިކު ކުޅޭ ސާމާނުތައް ހާމަވެގެން ދިޔައެވެ. ލޫތުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އެއްފަރާތުގައި ހުރި ގިޓާ ނަގަން އައުމުގެ ތެރޭ ޑްރަމްސެޓުގެ ސިމްބަލްގައި އަތުން ޖަހާލިއެވެ. މުޅި ތަނުގައި އެއަޑު ގުގުމައިގެން ދިޔައެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ލޫތަށް ހިނިތުންވެލެވުނެވެ. އޭނާގެ ރޫހަށް ބުނެދޭންނޭނގޭ ފޮނިކަމެއް އިހުސާސްވެގެން ދިޔަކަހަލައެވެ. އުސްކޮށް ހުރި ގޮނޑީގެ ހުރަސްފަތިގަނޑަށް އެއްފައި އަރުވާލުމާއެކު ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ގިޓާ ނަގާ ފައިމަތީ ހަމަކޮށްލުމާއެކު ކުރިމަތީ ހުރި ސްޓޭންޑުގައި އޭނާ ގެނައި މިއުޒިކު ނޯޓުތައް ލިޔެފައި ހުރި ގަނޑުތައް ހަރުކޮށްލިއެވެ. އިރުކޮޅަކު ގަނޑުތަކަށް ބަލަން އިނުމަށްފަހު ގިޓާގެ ނަރުތައް ޓިއުންކޮށްލުމާއެކު އިނގިލިތަކުން އެ ނަރުތަކާ ކުޅެލީ ބޭނުންވާ އަޑުތައް ނުކުމެތޯ ޓެސްޓުކޮށްލި ކަހަލަ ގޮތަކަށެވެ. އެއާއެކު މަޑުމަޑުން އެއްފައި ތަޅުވަމުން ގިޓާގެ އެކިނަރުގައި އިނގިލިން ކޮށްޓަން ފެށިއެވެ. ރީތި މިއުޒިކެއްގެ އަޑު ފަޒާއަށް ފެތުރިގެންދިޔައެވެ. ޔަޤީނުން ވެސް އެއަޑުއިވޭ މީހަކު ލޫތުގެ ހުނަރުވެރިކަމަށް ތަޢުރީފުކުރާހާވެއެވެ.

އާދައިގެ މަތިން ކުޑަދޮރު ކައިރީ އިން ޒީވާގެ ކަންފަތުގައި ލޫތު ކުޅެމުންދިޔަ ރާގުގެ އަޑުޖެހުނެވެ. ހިތަށް ފިނިކަން ގެނެސްދޭ ފަދަ ހިތްގައިމު ރާގެކެވެ. ބޭއިޙްތިޔާރުގައި އެ އަޑުއަހަން ޒީވާއަށް އިނދެވުނެވެ. އެއީ ކޮންތާކުން އިވޭ ރާގެއްތޯ ބެލުމުގެ ޝައުގުވެރިކަމަށްވުރެ އެމިއުޒިކަށް ހިތްދޫކޮށްލައިގެން އިންނަން ޒީވާ ބޭނުންވީއެވެ. ނަމަވެސް ގިނައިރުތަކެއްނުވެ އެހިތްގައިމުކަމަށް ނިމުންއަތުވެއްޖެއެވެ. ބަނޑުހައި ވެފައި ހުރިކަން ވެސް ހިތަށް އެރީ ދެނެވެ. ހަވީރުއްސުރެން އެއްވެސް އެއްޗެއް ނުކައި ޒީވާ އިނީ ކޮޓަރިން ނުނިކުންނަން ވެގެންނެވެ. ލޫތު އައިސް އުޅޭތީއެވެ. އަނެއްކޮޅުން ޝަފްޤާގެ އަމުރަށް ކިޔަމަންވާން ބޭނުންވާތީއެވެ. އެހެންނަމަވެސް ދެނެއް އޭނާއަށް ކެތެއްނުވާނެއެވެ. ރޭގަނޑު ނުވައެއްޖާ ދިޔައީއެވެ. މިހާރު ގޭގެ ހުރިހާ އެންމެން ވެސް ކައި ނިމިދާނޭކަން ޒީވާއަށް އެނގެއެވެ. މަޑުމަޑުން ކުޑަދޮރުލައްޕާލާފައި ކޮޓަރިން ނިކުންނަން އޭނާ އައެވެ.

ސިއްރުސިއްރުން ކޮޓަރިން ނިކުމެގެން ބަދިގެފަރާތަށް ޒީވާއައެވެ. އޭރު އޭނާގެ އަތުގައި ކޮޓަރީގައި ހުރި ފެންހުސްކުރި ޖަގު އޮތެވެ. އެ ގެނެސް މޭޒުމަތީ ބަހައްޓާފައި ކާންހުރި އެއްޗެއް ބަލާފައި ތައްޓަކަށް ކުޑައެތިކޮޅެއް އަޅައިގެން އައިސް ކާމޭޒުކައިރީ އިށީނެވެ. އޭނާ ކާން ފަސްމިނެޓު ވެސް ނުނަގައެވެ. އަވަސް އަރުވާލާފައި ކައިނިންމާލުމާއެކު ބޭނުންވީ ގޭގެ މީހަކަށް ނުފެންނަނިސް އެނބުރި ކޮޓަރިއަށް ދާށެވެ. ނަމަވެސް ފެންޖަގަށް ފެންއަޅާފައި އެނބުރިލިއިރު ބަދިގެ ދޮރުމަތީ ލޫތު ހުރީ ހުއްޓުން އަރާފައި ހުރިހެންނެވެ. އެސްފިޔަޖަހާލުމެއްނެތި އޭނާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ އަތުގައި އޮތް ފުޅިން، އެއައީ ކީއްކުރަންކަން އެނގެއެވެ. ޒީވާއަށް ވެސް ސިހުމެއްލިބިގެންދިޔައެވެ. އެހެންނަމަވެސް މަޑުކުރުމެއްނެތި އަވަސް އަވަހަށް ފެންޖަގު ހިފައިގެން ޒީވާ ނުކުންނަން ދިޔައެވެ. ދޮރުމަތީ ލޫތު ހުރިގޮތުން އޭނާގެ އަތުގައި ޒީވާއަށް ޖެހެވުނެވެ.

“ތީ ކާކު؟ ގެންގުޅޭ ކުއްޖެއްތަ؟” ހައިރާންވެފައި ޒީވާއަށް ބަލަހައްޓައިގެން ހުރެ އޭނާގެ ލޯމަތިން ޒީވާ ނުގެއްލެނީސް ތަންކޮޅެއް ބާރަށް އަހާލިއެވެ. ދުރުގައި ހުރި ޒީވާއަށް އަޑުއިވޭނޭ ވަރަށެވެ. ނަމަވެސް ޒީވާ އެއްވެސް ޖަވާބެއް ނުދީ ގޮސް ގެއްލުނީއެވެ.

ގެނައި ފުޅިއަށް ގެންއެޅުމުގެ ބަދަލުގައި ލޫތު އަވަސްވެގަތީ އޭނާއަށް ދެންމެ ފެނުނު އަންހެން ކުއްޖަކީ ކާކުތޯ ބެލުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އޭނާ އައީ ޝަފްޤާގެ ގާތަށެވެ. އެ ކޮޓަރީގައި ޓަކި ދީފައި ހުޅުވާލިއިރު ޝަފްޤާއެއްނެތެވެ. ހީވަނީ ފާޚާނާގައި އުޅޭހެންނެވެ. ކޮޓަރިއަށް ބަލާލާފައި މާޔޫސްވެފައި ހުރި ގޮތަކަށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި ލޫނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އެނދުމަތީ ހެޑްސެޓު ޖަހައިގެން ލެޕްޓޮޕުން ފިލްމުބަލަން ލޫނާ އޮތެވެ. އެކޮޓަރިތެރެވަނީ ފިޔާތޮށިކުލައިން ޖަރީކުރެވިފައެވެ. ހީވީ މުޅިން އެހެން ދުނިޔެއަކަށް ދޮރު ހުޅުވާލެވުނުހެންނެވެ. ލޫތު ދެތިން ފަހަރު ލޫނާއަށް ގޮވާލުމުން ވެސް އޭނާއަށް އިޝާރާތެއް ނުވިއެވެ. ޕޮޕްކޯން އަޅާފައި ހުރި ޕްލާސްޓިކު ބޯތަށްޓެއް މެޔާކައިރިކޮށްލައިގެން އެއްވަރަކަށް އަތާއި އަނގަޔާ ދިމާވަމުންދިޔައެވެ. ކޮޓަރިތެރެއިން ދުވަނީ ފޮނިކާއެއްޗެއްގެ ވަހެވެ. ކޮންމެ މީހަކަށް ވެސް އެއީ އަންހެން ކުއްޖަކު ދިރިއުޅޭތަނެއްކަން ދެލޯ މަރައިގެން ހުރެ ވެސް ބުނަން އެނގޭނެކަން ޔަޤީނެވެ.

“ހެލޯ… އައި ނީޑް ޓު ޓޯކް ޓު ޔޫ… ސޯ ޕްލީޒް…” ލޫތު އައިސް އޭނާގެ ކޮއްކޮގެ ކޮނޑުގައި ޖަހާލުމާއިއެކު ބުނެލިއެވެ. އަދި އަތުން އިޝާރާތްކޮށްލީ ކަންފަތަށް ޖަހާފައި އޮތް ހެޑްސެޓު ނެގުމަށެވެ.

“ވާ..ޓް….” ލޫނާ ތެދުވެ ދެފައިވަށްކޮށްލައިގެން އިނެވެ.

“މަންމަ މިގެއަށް ގެންގުޅޭކުއްޖަކު ގެނައީތަ؟” އެއްފަހަރު ވެސް ޒީވާއާ ދިމާނުވާތީ ލޫތަށް އެއީ ކާކުކަމެއް އެއްގޮތަކަށް ވެސް ނޭނގުނެވެ.

“ކާކުތަ؟” މާބޮޑު ވިސްނުމަކާ ނުލާ ލޫނާ ބުނެލިއެވެ.

“ޝޯޓް ހެއަރޑް ގާލްއެއް އެބައުޅެއެންނު” ލޫތު ހުރީ އެއީ ކާކުކަން އެނގެން ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ.

“ހޫން… އެއީ މަންމަ ގެނެސްގެން އުޅޭ ޕާޓޭއެއް، ޔޫ ޝުޑް ބީ ކެއަރފުލް، އެކުއްޖާގަނޑު އެއްޗެއް ވަގަށްނަގާފާނެ” ލޫނާ މޫނަށް ވައްތަރެއް ޖައްސާލުމާއެކު ބުނެލިއެވެ. ނަމަވެސް އޭނާ އެބުނި އެއްޗެއް ލޫތަކަށް ޤަބޫލެއްނުކުރެވުނެވެ.

“ސީރިއަސްކޮށް ބުނެބަލަ، މަންމަ ނުވެސް ބުނޭ މިގޭގައި އެ އަންހެން ކުއްޖާ ހުންނަ ވާހަކައެއް” ލޫތު ބުންޏެވެ. އެއާއެކު ލޫނާ، އޭނާއަށް އެނގޭ މިންވަރު ލޫތަށް ކިޔައިދިނެވެ.

“އަހަރެން ފެނިގެން އޭނާ ރިއެކްޓްކުރީ މޮންސްޓަރއެއް ފެނިގެން އުޅޭހެން، ބާރޭ ގޮސް ގެއްލުނުލެއް، ލޫ.. ކޮންކޮޓަރިއަކު އޭނާ ހުންނަނީ” ލޫތު ސިކުނޑީގައި އަދި އެއްފަހަރު ޒީވާ އުޅުނުގޮތުގެ މަންޒަރުތައް ތަކުރާރުކޮށްލަމުން ވާހަކަދެއްކިއެވެ.

“މިބައިގަ ހުސްކޮށް ހުރި ކޮޓަރީގައި، އަހަރެން ބުނެފީމޭ މަންމަ ގާތު އޭނާ ޒަހުރާ ނިދާބަޔަށް ޗޭންޖުކުރާށޭ، ކީއްކުރަންތަ އެ ކޮޓަރީގައި އޭނާ ބަހައްޓަނީ” ފޫހިވެފައި އިނދެ ލޫނާ ބުނެލިއެވެ. އެވާހަކައަށް އެއްވެސް ސަމާލުކަމެއް ލޫތު ނުދިނެވެ. އޭނާ ބޭނުންވި ކަންތައް އޭނައަށް ފުދުމުން އެކޮޓަރިން އޭނާ ނިކުތީއެވެ.

“ސޯ… އެހެންވީމަ އެއީ އަހަންނަށް ހީވި ހީވުމެއް ނޫންތާ، އެ އަންހެން ކުއްޖާ އޭރު ވެސް އެ ކޮޓަރީގެ ދޮރު ހުޅުވީ، އަހަރެން ފެނުނީމާ ކަންނޭނގެ އަވަހަށް ދޮރުލައްޕާ ތަޅުލީ” އަމިއްލަ ކޮޓަރީގެ ދޮރުމަތީ ހުއްޓިލައިގެން ހުރެ ލޫތު އޭނާގެ ހިތާ ވާހަކަދެއްކިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޒީވާ އުޅޭ ކޮޓަރިއާ ދިމާލަށެވެ.

އެނދުގައި ބޮނޑިވެގެން ކަހަލަ ގޮތަކަށް އޮށޯވެލައިގެން އޮތް ޒީވާ އާދައިގެ މަތިން ފޯނު އަތަށް ލައިގެން އޮވެ އަކްމަލްގެ ފޮޓޯތައް ބަލަމުންދިޔައެވެ. އެހެން އޮއްވާ ޝީރީން ގުޅިއެވެ. މަންމައާ ދައްކާނެ ވާހަކައެއް ޒީވާގެ ނެތެވެ. ޝަފްޤާގެ ފަރާތުން ޝަކުވާއެއް ނާންނާތީ އެކަމާ ޝީރީން ހިތްހަމަޖެހިފައި ހުރިކަން އޭނާ ޒީވާގެ ގާތުގައި ހާމަކުރިއެވެ. ދެތިން ވާހަކައެއް ދައްކާލުމާއެކު ފޯނުކޯލު ނިމުނީއެވެ. ޢާއިލާ އާއި ޒީވާގެ ދެމެދު އޮންނަ ގުޅުމަކީ މިހާރު އެއީއެވެ. ފޯނު ކޯލެކެވެ. ލަމްޔާ ވެސް ބަރާބަރަށް ޒީވާއަށް ގުޅާ އޭނާގެ ހާލު ބަލައެވެ. ކަމަކަށް ބޭނުންތޯ އަހައެވެ. ނަމަވެސް ޒީވާގެ ހިތުގެ ހާލެއް އެކަކަށް ވެސް ނޭނގެއެވެ. އޭނާގެ ވަށައިގެން ކިތަންމެ ބަޔަކު ތިބިކަމުގައި ވިޔަސް މިއަދު ޒީވާވަނީ ވަރަށް ބޮޑަށް އެކަނިވެފައެވެ. ޝީރީން ގުޅާފައި ބޭއްވުމާއެކު ޒީވާ ފެންކަޅިވެއްޖެއެވެ. އެނބުރި ގެއަށް ދާން ބޭނުންވަނީއެވެ. އަކްމަލް އޭނާއަށް އެދޭ ހިތްދަތިކަމަށް އޭނާ ކެތްކުރަން ބޭނުންވެއެވެ. އެހެންވިޔަސް އަމިއްލަ ޢާއިލާ އާއި ދުރުގައި ހުރެގެން އޭނާއަށް އެކަން ކުރުމަކީ ފަސޭހަކެމެއްނޫނެވެ. މަޑުމަޑުން ދެލޯ ފޮހެލާފައި ޒީވާ ނުރޯން މަސައްކަތް ކުރިއެވެ. އެހިނދު ކުއްލިއަކަށް އެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ދެފަހަރަށް ޓަކި ޖެހުމުން ޒީވާ އައިސް ދޮރުކައިރީ މަޑުކޮށްލީ ކަންބޮޑުވެފައި ހުރެއެވެ.

އަތުގައި އޮތް ފޯނުން ގަޑިން ވީއިރެއް ޒީވާއަށް ބަލާލެވުނެވެ. އެއްގަޑި ބައިވެ ހިނގައްޖެއެވެ. މިހާ ދަންވަގުތަކު އޭނާގެ ކޮޓަރީގައި ޓަކިދެނީ ކާކުބާއޭ ޒީވާ ހިތަށްއެރިއެވެ. މަޑުމަޑުން ދޮރު ކައިރީ ޒީވާ މަޑުކޮށްލައިގެން ހުރީ ދޮރުގެ އަނެއްފަރާތުގައި ހުރި މީހަކު ވާހަކަދައްކަންދެނެވެ. އެހެންނަމަވެސް އެމީހަކު އަނގައިންނެއް ނުބުންޏެވެ. އަނެއްކާ ވެސް ދަންވަރުގެ ހަމަހިމޭންކަން ވެރިވެގެން ދިޔައީއެވެ. ވަގުތުގެ ގޮތުން ޒީވާ އެއްގޮތަކަށް ވެސް ދޮރުހުޅުވަން ބޭނުންނުވީއެވެ. އިތުރަށް ޓަކިޖަހާއަޑު ނީވުމުން އޭނާ އައިސް އެނދުގައި އޮށޯވެލިއެވެ.

ނިތުގައި އަތްބާއްވާލާފައި އޮތް އަތް ނަގަމުން އެއްފަރާތަށް އަކްމަލް ފުރޮޅިލިއެވެ. ނިންޖަކީ މިހާރު އޭނާއާ މާދުރުގައިވާ އެއްޗެކެވެ. ހިސާބަށްވުރެ ސިކުނޑީގެ ހާސްކަން އިތުރުވީމާ ހަށިގަނޑަށް ލިބޭނޭ އެއްވެސް އަރާމެއް ނޯންނާނެއެވެ. ބާލީސް ގެނެސް މެޔާލާ ބޮނޑިކޮށްލާފައި ފުންނޭވާއެއް އަކްމަލް ލިއެވެ. ބޯއަޅައިގެން އޮތް ބާލީސް ދަށުން ފޯނު ނަގާ ބަލާލިއެވެ. ޒީވާގެ ހާލު ބަލާލަން އެތައް ފަހަރަކު އަކްމަލްގެ ހިތް ބުންޏެވެ. އެހެންނަމަވެސް އަކްމަލްއަށް ފަސްޖެހެވެނީއެވެ. މިހާ ދުވަހު ޒީވާއަށް އަކްމަލް އާއި ވާހަކަނުދައްކާ ދުރުގައި ހުންނަން ކެތްވޭބާއޭ އަކްމަލްގެ ހިތަށް އަރަމުންދިޔައެވެ. އަދި ގުޅާލަން ހިތައް ވެސް ނާރަނީ އޭނާގެ މަތިން ޒީވާ ހަނދާންކުރަން ބޭނުންނުވާތީއޭ ވެސް އަކްމަލްގެ ޟަމީރަށް ވިސްނެމުންދިޔައެވެ. އެއްފަހަރު ވެސް ގުޅާފައި އެ ދެމެދުގައި އޮތް ގުޅުމަށް ވީގޮތެއް އޮޅުން ފިލުވާނެހާ ހިތްވަރެއް އަކްމަލްއަކަށް ނުލިބުނެވެ. މުޅިން ހީތަކެއްގެ މައްޗަށް އަކްމަލްގެ ހިތް ދޫކޮށްލާފައި އޭނާ ވެއެވެ.

ފަތިހުފަތިހާ ތެދުވަން އާދަވެފައި ހުރި ޒީވާ ކޮޓަރިން ނިކުމެ ދެކޮޅު ހޯދާލިއެވެ. މުޅި ގޭތެރެ އަދިވެސް ނިދާފައި އޮތްކަހަލައެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ އައިސް ބަދިގެއަށް ވަނެވެ. އޭރު ޒަހުރާ މަސައްކަތް ފަށައިގަންނަން އުޅެއެވެ. ޒީވާ ފެނުމުން އޭނާ ހިނިތުންވެލީ، ޒީވާ އެތަނަށް އައިބޭނުން އޭނާއަށް އެނގޭތީއެވެ. ހީވަނީ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޒަހުރާއަށް ޒީވާގެ އުޅުން ހުންނަގޮތް ދަސްވެއްޖެހެންނެވެ.

“ކޮފީއެއް ހަދައިދޭންވީ ދޯ” އަވަހަށް ޒަހުރާ އަހާލިއެވެ. އެހެން އެހުމުން ޒީވާ ދޭނީ ކޮންޖަވާބެއްކަން ޒަހުރާއަށް އެނގޭއިރު ވެސް އޭނާއަށް އެހެން އަހާލެވުނީއެވެ.

“ނޫން، އަމިއްލައަށް ހަދާލަ ފާނަން” ލުއި ހިނިތުންވުމެއް ޒަހުރާއާ ބަދަލުކޮށްލަމުން ޒީވާ ބުންޏެވެ. މާގިނަ ވާހަކައެއް ދެއްކުމަކާއި ނުލާ ޒީވާ ކޮފީ ހަދާލައިގެން ބަދިގެ ފަރާތުން ގޯތިތެރެއަށް ނިކުމެގެން ހުރި ދޮރުން ބޭރަށް ނިކުމެލިއެވެ. ފެހި މާހައުލުގެ ސަބަބުން ގޯތިތެރެއަށް ތަފާތު ތެތްފިނިކަމެއް ވެރިވެފައި އޮތެވެ. ވަށައިގެން ހޯދަމުން ކަހަލަ ގޮތަކަށް ޒީވާ އައިސް އުނދޯލީގައި އިށީނެވެ.

“ޓޯބީ…” ކުއްލިއަކަށް ސިހިފައި ޒީވާއަށް ބުނެލެވުނެވެ. އެއާއެކު އޭނާގެ ކައިރިއަށް އުނދޯޔަށް ފުންމައިގެން އެރި ބުޅާ “މިއައު” ގޮވާލި އަޑުއިވުނެވެ. އެހާވަރުން ޒީވާ ވަށައިގެން ހޯދަމުން އައީ އެގޭގައި ގެންގުޅޭ ދެ ބުޅަލަށް ސަމާލުވަމުންނެވެ. އެހެންނަމަވެސް މިފަހަރު ވެސް އެސޮރު އައީ ކިހިނެއްކަމެއް ޒީވާއަކަށް ނޭނގުނެވެ. އެގެއަށް އައިފަހުން ޒީވާ އެންމެ ހިތްހަމަޖެހޭ ބައިވެރިއަކަށްވީ އެގޭގައި އުޅޭ ދެބުޅަލެވެ. ހެނދުނު ހެނދުނާ އެސޮރުމެންނަށް ޒީވާ އަންނާނެކަން އެނގޭ ކަހަލައެވެ.

ދެއަތް ދަމާލަމުން އުޅާހަށް ދެމިލި ލޫތު އޭނާގެ އެނދުން ތެދުވެގެން ގޯތިތެރެ ފެންނަގޮތަށް ހަދާފައި ހުރި ބެލްކަންޏަށް ނިކުތެވެ. އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އުނދޯލީގައި މަގެއް ހިފައިގެން އިން ޒީވާއެވެ. އޭނާގެ ކައިރީގައި އޮތް ބުޅަލާ ދޭތެރެއަކުން ތޮޅިލައެވެ. އެމަންޒަރުވީ ލޫތުގެ ޝައުގުވެރިކަން އަތުލި މަންޒަރަކަށެވެ. ބެލްކަނީގެ ރެއިލިންގައި ދެއަތްއަޅުވާއިއެކު އޭނާ ޒީވާގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ހުރެއެވެ. އޭނާ، ޒީވާއާ ވާހަކަދައްކާލަން ބޭނުންވެއެވެ. ލޫނާ ދެއްކި ވާހަކަތައް އޭނާ ހަނދާނެއްނުނެތެވެ. އެހެންނަމަވެސް އެ ވާހަކަތާއި ޒީވާ ފެންނަފެނުމާއި ނުބައްދަލެވެ. ހަޤީޤަތް އެނގެން ބޭނުންވަނީ އެހެންވެކަންނޭނގެއެވެ. ބެލްކަނިން ބޭރަށް ލޫތު ގުދުވެލީ، ޒީވާ އުނދޯލިން ތެދުވެގެން އެތެރެއަށް ވަންނަން ހިނގައިގަތުމުންނެވެ. ލޮލަށް ޒީވާ ނިވާވުމުން އަވަސް އަރުވާލާފައި ލޫތު އެނބުރި ކޮޓަރިއަށް ވަނެވެ. އަދި ގަޔަށް ހެޔޮވަރުކޮށްލި ޓީޝާޓާއިއެކު އޭނާގެ ހަތައެއްހެން އޮންނަ އިސްތަށިގަނޑު އައްސާލިއެވެ. ކޮޓަރިން ނިކުމެގެން ލޫތު އައިގޮތަށް ސިޑިން ތިރިއަށް ބަލާލިއެވެ. ޒީވާ މައްޗަށް އަރާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުރި ކަހަލަ ގޮތަކަށެވެ. ނަމަވެސް ހީކުރި ވަރަށް ވުރެ ގިނައިރުވާން ފެށުމުން ލޫތު ސިޑިން ތިރިއަށް ފޭބިއެވެ. އެވަގުތު ޒީވާ އެ ސިޑިން އަރައިގެން އަންނަތަން ފެނުނެވެ. ލޫތި ފެނިމާއެކު، އެ އަންހެންކުއްޖާއަށް ބަދަލުތަކެއް އަތުވެއްޖެކަން ލޫތަށް އެނގުނެވެ. ވަގުތުން އިސްޖަހާލުމާއި ސިޑީގެ އެއްފަރާތަށް ޖެހިލުމާއިއެކު އަވަސް އަރުވާލަފައި ހަރުފަތްތައް ގިރާކުރަން ފެށިކަން ލޫތައް ފާހަގަކުރެވި ހުއްޓުނެވެ.

“ހާއި… އަހަންނަށް ކިޔަނީ ލޫތު، ތި ކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ؟” ޒީވާ ކަންތައްކުރާނޭ ގޮތެއް ނޭނގޭހުރެ ލޫތު އަހާލިއެވެ. ނަމަވެސް އޭނާ އާއި ދިމާލަށް ޒީވާ ބަލާވެސް ނުލިއެވެ. އެއީ ތަފާތު ކަމަކަށް ލޫތަށް ވިއެވެ. ޒީވާގެ ފަހަތުން އޭނާ އައެވެ.

“އެއްގެއެއްގައި އުޅޭއިރު ވާހަކަދައްކާލުމަކީ މައްސަލައެއްނޫނެންނު، އައި ތިންކް ޔޫ އަރ އަ ވެރީ އިންޓަރެސްޓިންގ ގާލް” ލޫތު ކުޑަކޮށް ހީނލާފައި ބުނެލިއެވެ. އެކަމަކު އޭނާ ދައްކާ އެއްވެސް ވާހަކައަކަށް ޒީވާގެ ފަރާތުން އެއްވެސް ޝައުގުވެރިކަމެއް ނުފެނުނެވެ. އޭނާ ކުޑަކޮށް ވެސް ލޫތަށް ސަމާލުކަމެއް ދޭން ބޭނުންނުވާ ކަހަލައެވެ. އެކަމާ ލޫތު ވަރަށް އަޖައިބުވިއެވެ.

“މަޑުކޮށްބަލަ…” ޒީވާ އަވަސްއަރުވާލާފައި އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅުނު ވަގުތު ދޮރުފަތުގައި ލޫތު ހިފަހައްޓަމުން ބުނެލިއެވެ. ޒީވާ ސިހިފައި ލޫތަށް ބަލާލިއެވެ. އެއާއެކު އެ ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ ވަރަށް ގާތުންނެވެ. ޒީވާގެ ދެލޮލުން އޭނާ ހާސްވެފައި ހުރިވަރު ލޫތަށް ފެނުނެވެ.

“ކީއްވެތަ އަބަދު އަހަންނަށް ފިލަން އުޅޭހެން ތިއުޅެނީ” ފަސްޖެހުމެއްނެތި ޒީވާ އާއި ނަޒަރު ވަކޮށްނުލާ ލޫތު އަހާލިއެވެ.

“ޕްލީޒް…” މަޑުމަޑުން އަނެއްކާ ވެސް ދޮރަށް ބާރުލަމުން ޒީވާ ބުނެލިއެވެ.

“ދެން ނުފިލާނަންކަމަށް އެއްބަސްވީމަ ދޮރުން ދޫކޮށްލާނީ” ލޫތު މިހެން ބުނުމާއިއެކު ޒީވާ ބޯޖަހާލީ އޭނާގެ އެދުމާ އެއްބަސްވާކަން އެންގުމަށެވެ. ނަމަވެސް ޒީވާގެ ހިތުގައި ލޫތާއި ވާހަކަދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. ބޭނުންވެފައި ހުރީ އޭނާގެ ކުރިމަތިން ލޫތު ގެއްލޭށެވެ.

“ސްޓްރޭންޖަރއަކަށް ވުމުގެ ބަދަލުގައި ރަޙުމަތްތެރިއަކަށް ވުމަށް އަހަރެން ބޭނުން، އާފްޓާ އޯލް ވީ އާ ލިވިން އަންޑަރ ސޭމް ރޫފް… އަދި އެއްކަންތައް، މިއަދު އަންނައްޗޭ ޓެރެސްއަށް… މެންދުރުފަހު… ލަންޗު ނިންމާފަ…” ލޫތު، ޒީވާގެ ކޮޓަރީގެ ދޮރުފަތުން ދޫކޮށްލާފައި ދާންއުޅެފައި އަނެއްކާ އެނބުރި ދައުވަތެއް އެރުވިއެވެ. ޒީވާ ޖަވާބެއް ނުދިންކަމުގައި ވިޔަސް ލޫތު އުންމީދުކޮށްގެން ހުރީ ޒީވާ އާއި ބައްދަލުވާނޭ ކަމަށެވެ. ހިނިތުންވެލައިގެން ހުރެ ލޫތު އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތުމާއިއެކު ޒީވާ އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލިއެވެ.

“ސްޓްރޭންޖް ގާލް… އިންޓަރެސްޓިންގް…” އަމިއްލަ ހިތާ ވާހަކަދައްކަމުން އައިސް ލޫތު ކޮޓަރިއަށް ވަނެވެ. މަންމަ އާއި ލޫނާ ނިދާ ނުހެލާކަށް ލޫތަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އިތުރަށް ނިދާކަށް ބޭނުމެއްނޫނެވެ. އެހާ ހެނދުނާ ރަޙުމަތްތެރިން ވެސް އަދި ތިބޭނީ އެނދުގައިކަން ލޫތަށް އެނގެއެވެ. އެހެންނަމަވެސް އޭނާގެ ގާތް އެކުވެރިންގެ ތެރެއިން މީހަކު ފޯނު ނަގާތޯ މަސައްކަތްފެށިއެވެ.

މެންދުރު ކެއުމުގައި މޭޒުދޮށުން މިއަދު ވެސް ޒީވާއެއް ނުފެނެއެވެ. އެ ޢާއިލާ އާއި އެއްވެސް ކަމަކު ޒީވާ ބައިވެރިނުވާކަން ލޫތަށް ފާހަގަކުރެވުނެވެ. އެކަމާ އޭނާ ޝަފްޤާއާ ސުވާލުކުރިއެވެ.

“ތަނެއްގައި މީހަކު ހުރިއްޔާ ލޫތު ބަލަންޖެހޭތަ ހުރިހާކަމެއް؟ އެހެންވީރު ޒަހުރާ އާއި ދެން މިގޭގައި ގެންގުޅޭ މީހުންގެ ކަންތައްތައް ވެސް ލޫތު ބަލަންވީނު” ޝަފްޤާގެ ވާހަކައިން ލޫތު، ޒީވާގެ ވާހަކަދެއްކުމަކީ އޭނާ އެހާ ގަޔާވާކަމަކަށް ނުވިއެވެ.

“މަންމާ، ޒީވާއަކީ މިގޭގައި މަސައްކަތްކުރަން ގެނެސްފައި ހުރި ކުއްޖެއްނޫނެންނު، އެއީ ކާކުގެ ދަރިއެއްކަން ލޫނާ ބުންޏޭ” ލޫތު ބޭނުންވީ ޒީވާ އާއި އެ ޢާއިލާގެ މީހުންނާ ގުޅުމެއްއޮތްކަން ހާމަކުރާށެވެ.

“ލޫތު، މާލެ އައިސްގެން ގިނަދުވަހެއްނުވަނީސް މީސްމީހުންގެ ގޮތް އެނގިދާނެކަމަށް ހީނުކުރާތި، ޒީވާ މިގޭގައި ހުއްޓެއްކަމަކު އަހަރެން ބޭނުމެއްނޫން ކޮންމެހެން ލޫތު އޭނާއާ އެއްވެސް ވާހަކައެއްދައްކާތަން ފެންނާކަށް، ވަރަށް އަވަހަށް އޭނާ މިގެއިން ދާނެ، އެހެންވީމަ ހެޔޮނުވާނެ، ލޫތުގެ ތިސުވާލުކުރުންތައް ހުއްޓާލާފައި ޒީވާ މިގޭގައި އުޅޭކަން ވެސް ހަނދާންނައްތާލާ، އޭނާ ނޫނަސް ލޫތު ވާހަކަދައްކާނެ އަންހެނުން ތިބޭނެކަން މަންމައަށް އެނގޭ” ޝަފްޤާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނުކަން އެނގުމުން އިތުރަށް ލޫތު އެއްވެސް ބުނާކަށް ގަސްދެއްނުކުރިއެވެ.

ލޫތުގެ ވާހަކަތައް ހުރި ގޮތުން ޝަފްޤާ ކަންބޮޑުވާގޮތްވިއެވެ. ކާމޭޒު ކައިރިން އަވަދިވުމާއިއެކު އޭނާ އަވަސް އަވަހަށް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ފޯނު އަތަށް ލައިގެން އިރުކޮޅަކު އިނުމަށްފަހު ޝީރީނަށް ގުޅިއެވެ.

“ހެލޯ، ޝީރީން، އަހަންނަށް ފެންނަނީ ޒީވާ ދެން މިގެއިން ގެންދަން، އެހެންނޫނީ އޭނާ ހުންނާނެ އެހެންތަނެއް ހަމަޖައްސަން، މިގޭގައި އަހަރެންގެ ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު އެބަހުރިކަން އަހަރެން ވިސްނަން، ފަހަރެއްގައި އަހަރެންގެ ދަރިއަކު މަގުއޮޅިގެން ދާކަށް އަހަރެން ބޭނުމެއްނޫން…” ޝަފްޤާގެ ވާހަކައަޑުއިވިފައި ފޯނުގެ އަނެއްކޮޅުގައި ޝީރީން ވަރަށް ކަންތައްބޮޑުވިއެވެ.

“ކިހިނެއްވީ؟ ގޭތެރޭގައި ކަމެއް ހިނގީތަ؟ ޒީވާ ކަމެއްކުރީތަ؟” ޝީރީންގެ ހާސްކަން އޭނާގެ އަޑުން އެނގެއެވެ. އެހެންނަމަވެސް އެކަން ޝަފްޤާއަށް ބޮޑުކަމަކަށް ނުވިއެވެ. އެއަށްވުރެ އޭނާ ކަންތައްބޮޑުވަނީ ޒީވާ، ލޫތާ ގާތްވެދާނޭތީއެވެ. އެއްގޭތެރޭގައި އުޅޭއިރު ހުރިހާ ވަގުތަކު އޭނާއަށް ޒީވާގެ ފަހަތުން ފާރަލަމަކުން ނުދެވޭނެއެވެ.

“ކަމެއް ހިނގުމަށް ފުރުޞަތުދޭކަށް އަހަރެން ބޭނުމެއްނޫން، އަހަރުމެން ދެމީހުންގެ މެދުގައި މިއޮތް ގުޅުން ދަރިންގެ ސަބަބުން ކެނޑުމުގެ ކުރިން މިކަމާ ޝީރީން ވިސްނާ، އަދި ވީ އެންމެ އަވަހަކަށް އަހަންނަށް ރަނގަޅީ ޒީވާ މިގެއިން ގެންދިއުން” ޝަފްޤާ މިހެންބުނެ ފޯނު ކަނޑާލުމުން ޝީރީން ކުރިއަށްވުރެ ވެސް ކަންބޮޑުވިއެވެ. ފުރަތަމަ ވެސް އޭނާގެ ހިތަށް އެރީ ޒީވާގެ ފަރާތުން ކޮންމެވެސް ކަމެއް ޝަފްޤާއަށް ފެނުނީކަމަށެވެ. ބޮލުގައި ހިފަހައްޓާލުމާއެކު ޝީރީނަށް ދެލޯމަރާލެވުނެވެ. ޒީވާ ވިޔާނުދާކުއްޖަކަށް ވީގޮތާއިމެދު އޭނާއަށް ވިސްނެނީއެވެ. އިތުބާރުކުރަން ބޭނުންވިޔަސް އެކަން މަޑުމަޑުން ނެތިދަނީކަން ޚުދު ޝީރީނަށް ވެސް އެނގެއެވެ. ޝަފްޤާގެ ފިރިހެން ދަރިފުޅާއި ޒީވާ ގާތްވުމަކި ޝީރީން ވެސް ބޭނުންވާގޮތެއްނޫނެވެ. އަނެއްކޮޅުން ލަބީބަށް މިއިން އެއްވެސް ކަމެއް އެނގޭކަށް ޝީރީން ބޭނުމެއްނޫނެވެ. އޭނާ ވަގުތުން ދަރިފުޅަށް ގުޅިއެވެ.

“މަންމާ، އަހަރެން އެކަހަލަ ކަމެއް ނުކުރަމޭ، އިތުބާރުކޮށްބަލަ، މި ކޮޓަރިން ނިކުންނަނީ ވެސް ކޮންމެހެން ނިކުންނަން ޖެހިއްޖެނަމަ، އަހަރެން ޝަފްޤާ އާންޓީ ޝަކުވާކުރާކަށް ފުރުޞަތެއް ނުދޭނެއެންނު، މަންމަ ބުނީމެންނު ޝަފްޤާ އާންޓީގެ ފަރާތުން ޝަކުވާއެއް އިވެން ބޭނުންނުވާ ވާހަކަ، އަހަރެން ހަނދާންއެބަހުއްޓޭ…” ހައިރާންވެފައި ހުރި ޒީވާ، ޝީރީނަށް ޔަޤީންކަން ދޭން މަސައްކަތްކުރިއެވެ.

ދަރިފުޅުގެ ވާހަކަ ތެދުކުރަންވީ ކަމެއް ނޫނީ ޝަފްޤާގެ ވާހަކަ ޤަބޫލުކުރަންވީކަމެއް ޝީރީނަކަށް ނޭނގުނެވެ. އޭނާ މިފަހަރު ވެސް ފޯނު ބޭއްވީ ޒީވާއަށް ވަރަށް ނަސޭހަތްދީފައެވެ. ގޭގައި އުޅޭ ފިރިހެންކުދިންނާ ގާތްވެގެން ނޫޅުމަށް ބުނަމުންނެވެ. ދެވަނަ ފަހަރަށް އޭނާ ލަދުގަންނާނޭ ފަދަ ޢަމަލެއް ޒީވާ ނުހިންގުމަށް އެދެމުންނެވެ.

ލޫތުގެ ސަމާލުކަން ޒީވާއަށް ހުއްޓިއްޖެކަމުގައި ފުރަތަމަ ފަހަރަށް ޒީވާއަށް ހީވީ އޭނާގެ ފަހަތުން ލޫތު އައުމުންނެވެ. އެގޮތް ބޭނުންނުވި ނަމަވެސް ލޫތު އޭނާއާ ވާހަކަދައްކަން މަސައްކަތްކުރަމުން ދިޔައެވެ. އެކަންވީ ޒީވާއަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް މެދުވެރިކުރުވި ކަމަކަށެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް ޝަފްޤާގެ ހިޔާވަހިކަމުގެ ދަށުގައި ހުރެ އެގޭ މީހަކަށް އެއްޗެހި ކިޔުމަކީ އޭނާ ހައިސިއްޔަތު ނޫންކަމުގައި ޒީވާ ދުށްޓެވެ. އެހެންވެ ރައްދުގައި އެއްވެސް އެއްޗެއް ނުބުނެވެއެވެ. ޝީރީންގެ ފޯނު ކޯލުން ޒީވާ ހައިރާންވިއެވެ. ހީކުރެވުނީ ލޫތު، ޒީވާގެ ފަހަތުން އުޅޭތަން ޝަފްޤާއަށް ފެނުނީކަމުގައެވެ. ނަމަވެސް އެއްވެސް އެއްޗެއް އަހާލާކަށް ނުކެރުނެވެ. އޭނާ އާއި ލޫތާއި ދެމެދު އެއްވެސް ގުޅުމެއް ނޯންނަކަށް ޝީރީނަށް ޔަޤީންކޮށްދޭން ބޭނުންވި ފަދައިން ޝަފްޤާއަށް ވެސް އެކަން އަންގަން ޒީވާ ބޭނުންވިއެވެ. އެކަމަކު އެކަމެއް ވެސް ނުވިއެވެ.

ލޫތުގެ އެއްވެސް ވާހަކައަކުން ޒީވާގެ ސަމާލުކަމެއް ނުލިބުނެވެ. އެކަން ވެސް ލޫތަށްވީ އިތުރަށް އޭނާ ޒީވާގެ މައްޗަށް ހިތްޖެހުނު ކަމަކަށެވެ. އޭނާއަކީ ރީތި ފިރިހެނެއްކަން ލޫތު ޤަބޫލުކުރެއެވެ. ފަހަތުން އޭނާ ފަދަ ފިރިހެނަކު އުޅެން ފެށުމުން ކޮންމެ އަންހެން ކުއްޖަކަށް ވެސް ޖެހޭނީ އޭނާ ބަލައިގަންނާށެވެ. އެކަމަކު ޒީވާ މުޅިން ތަފާތެވެ. އޭނާގެ ގަޔަކު މަސްތުވާތަކެތި ބޭނުންކުރާ މީހެއްވައްތަރެއް ނުޖަހައެވެ. އޭގެ އިތުރުން އޭނާ ފިރިހެނަކަށް ބޭނުންވެގެން އުޅޭ ގޮތެއް ވެސް ނުހުރެއެވެ. އިތުރަށް ލޫތު ހައިރާންވަނީ ޒީވާ، އޭނާއާ ހަތަރުކަޅި ހަމަކުރަން ވެސް ބޭނުންނުވާތީއެވެ. އަނގައި ބަހެއް ބުނެނުލާ ހުރެވޭނީ ހާދަ ކެތްތެރިވީމައޭ ލޫތުގެ ހިތް ބުނެއެވެ. އޭނާ އެވަރަށް ފާރަލާއިރު ވެސް ޒީވާ ކޮޓަރިން ނުކުންނަނީ ވެސް އެހާ މަދުންނެވެ. އެވެސް ޢާއިލާގެ މެންބަރުން ނުތިބޭ ވަގުތު ތަކުގައި އެއްޗެއް ކާލަން އެކަންޏެވެ. މީހުންނާ ގުޅުން ބާއްވަން ޒީވާ ބޭނުންނުވާކަމީ ލޫތަށް، ޒީވާ ދެނެގަންނަން އުނދަގޫވިކަމެކެވެ. ފަހަކަށް އައިސް އެކިކަންކަމުގައި ލޫތު ވަގުތު ހޭދަކުރި ނަމަވެސް ސިކުނޑީގެ ކަނެއްގައި ޒީވާގެ ޚިޔާލުތައް ހަރުލާފައި ހުރެއެވެ. ގެއަށް ވަދެއްޖެނަމަ އޭނާއަށް އުޅެވެނީ ޒީވާގެ ބޯކޮޅު ބަލަމުންނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *