ANDHIREEGE THEREYN [ 02 ]

“ދޮންބެގެ އަނގަގަދަ ކަމުން ތިއިނީ ފޫހިވެފަ ދޯ” މުނީބު އޭނާގެ ކޮއްކޮ އިސްޖަހާލައިގެން އިންނާތީ ކޮނޑުގައި ކޮއްޓާލާފައި ސުވާލު ކޮއްލިއެވެ. ބަތީލު މަޑުމަޑުން ދެފަރާތަށް ބީހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ބެލް، ތިތަނުގަ ނެތްތަ ބައްތުއަށް ދެވޭ ކަހަލަ ވަޒީފާއެއް، ބެލްވެސް ވާނެ އެންނު ބައްތުއަށް އެހީވާން، އޭނާ އެކަނި ވަޒީފާއެއް ހޯދަން ޖެހޭތީ ކަންނޭގެ އެކަން ނުވެގެން އެއުޅެނީ” ކައި ނިމިގެން ތަށިތައް ނަގާފައި ކޮޓަރި އާއި ދިމާލަށް ހިނގައިގަތް ބަލްމާ ފެނި މުނީބު ބުނެލިއެވެ.

“އޭނަ ޖޮބަކަށް ދާހިތެއް ނުވާނެ، އޭނާ ބޭނުންވަނީ އަބަދު ގޭގައި ހުންނަން” ބަލްމާ ލާނެތްގޮތަކަށް ބަތީލަށް ހީނލަމުން ބުނެލިއެވެ.

“އެ ދޮގެއް ދޮންބޭ، ޖޮބެއް ލިބިއްޖެއްޔާ ދާގޮތަށް މިހިރީ، ނުލިބޭތީ މައްސަލައަކީ، އެބަ އަންނަން އެނގޭ” މުނީބާއި ދުރަށް ދާން ބޭނުންވެފައި އިން ބަތީލު ފުރުޞަތުގެ ބޭނުން ހިފިއެވެ. ބަލްމާ އާއިއެކު ކޮޓަރި އާއި ދިމާލަށް ދިޔައެވެ.

“އޭތް! މަގޭ ފޯލްޓު ދޮންބެ ކައިރީ ދައްކަން އުޅޭނެ ކަމެއް ނެތް އެނގޭ، މަށަށްވެސް ކިޔޭނެ އެއްޗެހި ހުންނާނެ” ބަތީލު ކޮޓަރިތެރެއަށް ވަދެވުމާއިއެކު ބަލްމާގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

ދުވަސް ދިގު ކަމަށް މިއަދު ބަލްމާ އާއި ބަތީލަށް ހީވެގެން ދިޔައީ މުނީބު ގޭގައި އުޅޭތީއެވެ. ހަވީރު ގަޑީގައި ބޭރަށް ނުކުމެވުނީވެސް ހަމަ ކިރިޔާއެވެ. އެތަށް ބަހަނާއެއް ދައްކާފައެވެ. ނަމަވެސް ބަތީލުގެ ޠަބީޢަތަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އޭނާ ބޭރަށް ނުކުތަސް އެހާ ގަޔާނުވާހެން ހީވެއެވެ. މިންހާޖަށް އެކަން ފާހަގަ ކުރެވިގެން ސުވާލު ކުރުމުންވެސް ބަތީލު އޭނާއަށް ވާގޮތެއް ކިޔައެއް ނުދެއެވެ. ރަޙުމަތްތެރިންގެ މެދުގައި މިއަދު ދެކެވުނީ ބަތީލަށް ވަޒީފާއެއް ހޯދުމުގެ ވާހަކައެވެ. އަދި މަންމަމެން ކައިރީ އޮތް ރަށަކަށް ފުރަން އުޅޭތީ ބަތީލަށްވެސް ދާން ޖެހިދާނެ ވާހަކައެވެ.

“ކިހާ ދުވަހަކަށް، ހާދަ ފޫހިވާނެ އޭ ބައްތު ނެތީމަ” އަތިރިމަތީ މީހުން ނޫޅޭ ހިސާބެއްގައި އިށީނދެލައިގެން އިން މިންހާޖު އޭނާގެ އުނގުގައި އިން ބަތީލަށް ބުނެލިއެވެ.

“ދެހަފްތާ ކަންނޭގެ، މަންމަ އަދި ނުބުނޭ ކިހާ ދުވަހެއް ކަމެއް، ދޮންބެވެސް އައިސް އުޅެނީ، އެހެންވެ ނުގޮހެއްވެސް ނުވާނެ، އަހަންނަށް ޖޮބެއް ހޯދަ ދީބަލަ، އޭރުން ގޭގަ މަޑުކުރެވިދާނެ، ޖޮބަށް ވަންނަތާ ކުރީކޮޅުގައި ކިހިނެއް ތަނަކަށް ފުރައިގެން ދާނީ، އޭރުން މަންމަމެންވެސް ޤަބޫލު ކުރާނެ، އެހެންނޫނަސް މަވެސް ބޭނުމެއްނޫން އެރަށަށް ދާކަށް، ބައްޕަގެ ތިމާގެ މީހުން އެރަށުގައި އުޅުނަސް އެއީ މާ ރަނގަޅު ބައެއްވެސް ނޫން” ބަތީލު ފޫހި ރާގެއްގައި ބުނެލިއެވެ.

“ތިވީ ގޮތުން ހަމަ މިހާރު މިގުޅަނީ ރައްޓެއްސަކާ، ބައްތުއަށް ޖޮބެއް ހޯދަ ދީފިއްޔާ ނުޖެހޭނެ ދޯ ދާކަށް” މިންހާޖު އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

“އާސިފް، ކޮންތާކު؟ ހިނގާބަލަ މިރޭ ބައްދަލު ކޮއްލަން” މިންހާޖު އޭނާގެ ރަޙުމަތްތެރިޔާއަށް ގުޅާލުމާއިއެކު ބުންޏެވެ.

“އަނެއްކާ އެއްކަލަ ކަހަލަ ކަމެއް ކުރަން ދާންވީތަ” ފޯނުން އާސިފު ބުނި އަޑުއިވުނެވެ.

“އޭތް، ތިދެން ކޮންވާހަކައެއް، ބުނެބަލަ، މިރޭ ފްރީ ވާނެތަ” މިންހާޖު ސަކަ ހިނިގަނޑެއް ޖަހާލުމާއިއެކު ބުނެލިއެވެ.

“ދާންވީ ތަނަކާ ގަޑި ބުނޭ، މަ ދާނަން” އާސިފު މިހެން ބުނެ ފޯނު ކޯލު ކުރުކޮއްލިއެވެ.

“އެއީ އާސިފް، އޭނަ ވަރަށް ނައިސްވާނެ، ރަށު އޮފީހުން ބައްތުއަށް ވަޒީފާއެއް ލިބިދާނެހެން ހީވަނީ އޭނަ އާއި ވާހަކަ ދައްކާލަނިކޮށް، އޭނަގެ ބޭބެއޭ ކައުންސިލަރަކީ” މިންހާޖު ބުނެލިއެވެ.

“މަންމާ، މަންމާ…” ބިންޏާ ދުވެފައި ކޮޓަރިން ނުކުމެގެން އައިތަން ފެނި ދާރާއަށް ފުންމައިގެން ތެދުވެވުނެވެ.

“ކިހިނެއްވީ” ހައިރާންކަންވެރިވެފައި ހުރި ދާރާއަށް އަހާލެވުނެވެ.

“ދެންމެ އެގުޅީ ޑޮކްޓަރ ނައިމާ، މިކޮޅުން މާލެ ދާން ހަމަޖެހިފައި އޮތް ޓީމު ލިސްޓު ނެރެފިކަމަށް، ލިސްޓުގައި އަޅުގަނޑުގެ ނަން އެބަ އޮތް، ވަރަށް އުންމީދުކުރެވުނު އެކުދިންގެ ތެރޭގައި އަހަރެންގެ ނަންވެސް ހިމެނިފައި އޮންނަން، ތަނުގެ ޚާއްޞަ މުވައްޒަފުންނަށް ހޯދައިދިން ފުރުޞަތެއްކަމަށް ވަނީ އެއީ” ބިންޏާ އުފަލުން ހުރި ވަރުން ބިމުގައި ފައި ނުޖެހޭހެންވެސް ހީވެއެވެ.

“ނާހަމަ ތެދެއް، ތި ލިބުނީ ރަނުގެ ފުރުޞަތެއް، ފުރަން ހަމަޖެހިފަ އޮތް ދުވަހެއް ބަލާފަ އަވަހަށް ކުރީ ބައިގައި ތައްޔާރުވާން ވާނެއެންނު” ދާރާ، ބިންޏާގެ ކޮނޑުގައި ފިރުމާލާފައި ބުނެލިއެވެ.

“މަންމަމެން ފުރަނީ ކޮން ދުވަހަކުން” ބިންޏާ އަހާލިއެވެ.

“މިފެށޭ ހަފްތާގެ މެދެއްހާ ތެރޭ، ނުވާނެ ގިނަ ދުވަހެއް، ހަފްތާއެއްވާނީ، ތިހެން ބުނީމަ މި ހަނދާންވީވެސް، ދަރިފުޅު ފުރާ އިރެއް އެނގުނީމަ ދެން ހަދަންވީ ގޮތެއްވެސް އެނގޭނީ، ބަތީލު ވަޒީފާއަކަށްވެސް ނުދޭ އެހެންވެ އޭނާ ގޮވައިގެން ދާން ބައްޕަވެސް ނިންމާފަ އޮތީ، އެކަމަކު ބަލްމާ ގޮވައިގެން ނުދެވޭނެ އެންނު، ދަރިފުޅުވެސް ނެތިސް ބަލްމާ އެކަނި ބަހައްޓާފަ ދާކަށް މަންމައަކަށް ނުކެރޭނެ” ދާރާ ކަންބޮޑުވުން ފާޅު ކުރިއެވެ.

“މާދަމާ ރޭ އަޅުގަނޑުގެ ޑިއުޓީ ދެން އޮތީ، ބަލާނަން ކޮން އިރަކުންތޯ ފުރަން އޮތީ، މަންމަމެނަށްވުރެ ފަހުން ދާން ޖެހެންޏާ ބަލްމާ އާއިމެދު މަންމަ ހާސްވާނެ ކަމެއް ނެތް، އަހަރެން އޭނާ އުޅޭގޮތް ބަލާނަން” ބިންޏާ އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ރޭގަނޑު ކެއުމުގެ ވަގުތު ޖެހެންވާއިރަށް ބަލްމާ އާއި ބަތީލުގެ ފައިތިލަ ގޭތެރެއިން ފެންނަ ވަރުވިއެވެ. އެކަމާ ދާރާ ހުރީ އުފަލުންނެވެ. މުނީބު އައީތީ އެކުދިންގެ އުޅުމަށްވެސް ރަނގަޅު ބަދަލުތަކެއް އައިއޭ ހިތާއެވެ. ކާމޭޒު ދޮށުގައި ޢާއިލާ އެކުގައި ތިއްބެވެ. މަދު ފަހަރަކު ނޫނީ އެއީ ނުވާ ކަމެކެވެ.

އައު ހަފްތާއެއް ފެށިގެން ދިޔައިރު ކޮންމެ ރެއެއްގެ ދަންވަރުވެސް ކޮންމެވެސް ކަހަލަ އުނދަގޫ ތަކެއް ބަތީލަށް ކުރެވެމުންދިޔައެވެ. އޭގެ އިތުރުން ބަލްމާއަށްވެސް ހުވަފެންތަކެއް ފެންނަން ފެށިކަމުގައި އޭނާ ބަތީލުގެ ގާތުގައި ކިޔާދިނެވެ. ނަމަވެސް ބަތީލު އޭނާއަށް ކުރެވޭ އިޙްސާސްތަކުގެ ވާހަކައެއް އެކަކަށްވެސް ކިޔައެއް ނުދެއެވެ. ކަންތައްތައް ވަނީ ހައްތަހާ ގޯސްކަން ބަތީލަށް އެނގެނީ އޭނާއަށް ކުރެވޭ ތަފާތު އިޙްސާސް ތަކުންނެވެ. އަދި ހުވަފެނުގައި ފެންނަ ކަންތައްތަކުންނެވެ. އެހެންވާންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނެއެވެ.

“އަހަންނަށް ދެރޭ މިހާރު މިންހާޖު ފެނިއްޖެ، ބިރުވެރި ގޮތަކަށް ހުރީވެސް، އޭނާ އުޅެނީ އަހަރެންގެ ގައިގަ އަތްލާންވެގެން، ދުވެ ދުވެ ހުންނަނީ މީހާ ހަލާކުވާވަރުވެފަ” ބަލްމާ ސީލިންގާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮވެ ބަތީލާ ވާހަކަދެއްކިއެވެ.

“މަށަށްވުރެ ބެލް، މިންހާޖުގެ މަތިން ހަނދާން ކުރަންޏާ އެހެންނު ވާނީ” ބަތީލު ސަމާސާ ރާގެއްގައި ޖަވާބު ދިނީ ގަސްދުގައެވެ. ބަތީލުގެ އެނދު ކައިރީ ހިނގާ ކަންތައްތަކާ އޭނާ ވަނީ ކަންބޮޑުވެފައެވެ. ހޭލެވޭއިރު އެނދުކައިރީ ވަށައިގެން އުޅޭ އަލިފާން ކޮޅަކީ ކޮބާކަމެއް ނޭނގެއެވެ. އަނެއްކާ މީހާ ދަލުން ފެންވެރޭވަރަށް ހޫނުވަނީވެސް ދަންވަރުއެވެ. ބޭނުންވަނީ ފާޚާނާއަށް ވަންނާށެވެ. ބައެއްފަހަރު ހޭވެރިކަންވަނީވެސް ފާޚާނާގައި ހުއްޓައެވެ. އަމިއްލަ ބާރު ނުހިނގާ ކަންތައްތަކެއް އޭނާގެ ހަށިގަނޑަށް ދިމާވާކަން ޤަބޫލު ކުރަން ބޭނުން ނުވިޔަސް ބަތީލަށް ޤަބޫލު ކުރަން މިހާރު ޖެހިފައިވެއެވެ. އެތެރެ ފަރާތުން ފައިގެ ފަލަމަސްގަނޑުގައި ހެނދުނު ބަލާއިރު ރަތްވެފައި ހުންނަ ފަސްއިނގިލީގެ ނިޝާނެއް ހުރެއެވެ. އަނެއްބައިފަހަރު ފެންވަރާލާ ވަގުތު ގައިން ދިލަ ނަގާތީ ލޯގަނޑުން ބަލާލާއިރު ހުންނަނީ ހަށިގަނޑުގެ ބައެއް ހިސާބުތަކުން ތެޔޮހަން ގޮސްފައެވެ. މުޅިންވެސް އެނިޝާންތައް ލަމުން ދިޔައީ ހެދުމުން ފޮރުވޭ ހިސާބުގައެވެ. އެހެންވެ އެކަން ސިއްރުކުރަން ބަތީލަށް ފަސޭހަވަނީއެވެ.

ފުރަންވި ދުވަސް އެނގިގެން އެވާހަކަ ދާރާ ކުދިންނާ ހިއްސާކުރީ މެންދުރުއެވެ. އަންބަރު ގެއަށް އައިސްފައި އެނބުރި އޮފީހަށް ދިޔަ ފަހުންނެވެ. ޒީނިޔާ، ދާރާއަށް އެހީވުމުގައި އުޅެއެވެ. ބަލްމާ އިނީ ކުޑަކުޑަ އަޒްކާ އުރާލައިގެންނެވެ. ގާތުގައި އިން ބަތީލު އަޒްކާއަށް ކުޅިވަރެއް ދައްކަމުން ދިޔައެއް ކަމަކު ދާރާ ދެއްކި ވާހަކަ ކަނުލާ އަޑުއަހަމުން ދިޔައެވެ.

“ބަލްމާ އާއި ބިންޏާ އާއި ދެކުދިން މިކޮޅުގަ މަޑުކުރާނީ، ބަތީލު މަންމަމެނާއިއެކު ފުރަން ތައްޔާރުވާންވީ، ބިންޏާ ފުރަންވާއިރު މަންމަމެންވެސް ތިބޭނީ މިކޮޅަށް އަންނަން ފުރަންވެފަ، ދެދުވަހެއް ވަރު ލަސްވާނީ، އެކަމަކު ބަލާނަން އެއަށްވުރެ އަވަހަށް އާދެވޭތޯ، މަންމަ މިދަނީ ހަލީލާ އާއި ވާހަކަ ދައްކާލަން އެގޯއްޗަށް، އަންނާނަން ނިކަން އަވަހަށް” ދާރާ ހަވީރަށް ތައްޔާރުކުރި ހެދިކާއިން ބައެއް އެއްޗަކާ އަޅާ ތައްޔާރު ކުރަމުން ބުނެލިއެވެ.

“މަންމާ، އަޅުގަނޑުވެސް ދާނަން، އެގޭ ރޯޒީ އަތުގައި އަޅުގަނޑުގެ ވާހަކަ ފޮތެއްވެސް އޮންނާނެ، ގެނެސްދޭށޭ ކިޔާ ކިޔާ އަދިވެސް ނުގެނެސްދޭ، ބަލާ ދިޔައީމަ ޔަގީނުންވެސް ދެން ޖެހޭނީ ދޭންތާ” ކާމޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިން ބިންޏާ ބުނެލިއެވެ.

“ޒީ، މަންމަމެނާއިއެކު ދާންވީނު، އަދި މިކޮޅަށް އައިފަހުން ރަށުތެރެއަށް ނުކުމެ ހަދާނުލާ، ދޭބަލަ އަޒްކޮވެސް ގޮވައިގެން، އޭނާއަށް ވަރަށް މަޖާވާނެ” މުނީބު އޭނާގެ އަންހެނުންނަށް ބުނެލިއެވެ.

“ޒީނިޔާ ގަދަކަމުން ފޮނުވަން ނޫޅެބަލަ، އެމަންޖެ ކިޔޭ ހަވީރު ހިނގާލަން ދާ ވާހަކަ ކުޑަމަންޖެ ގޮވައިގެން، މުނީބު ދޭބަލަ ޒީނިޔާއަށް ރަށުތެރެ ދައްކާލަން، މުނީބު އެންނު ދާންވާނީ، މީ މުނީބު އުޅެބޮޑުވި ރަށްވިއްޔަ” ދާރާ ހިނިއައިސްފައި ބުންޏެވެ.

“ތިވީގޮތުން ދެން ތިޖެހުނީ ޒީއަށް މިރަށް ދައްކާލަން ދާންތާ، އެކަމަކު މިހާރު އޭނާއަށް ނޯންނާނެ މިރަށުގައި ނުފެންނަ ތަނެއްވެސް” މުނީބު ހީނލާފައި ޒީނިޔާގެ އަތުގައި ހިފާލިއެވެ.

“ނޫން، މިހާރު މިރަށް ވަރަށް ބަދަލުވެއްޖެ، މީހުން އުޅޭ ސަރަޙައްދުވެސް ބޮޑުވެއްޖެ، ދޯ މަންމާ” ޒީނިޔާ، ދާރާއަށް ބުނެލިއެވެ.

“އާން، އެންމެފަހުން ދަރިފުޅުމެން މިރަށަށް އައިފަހުން ވަރަށް ގިނަ ތަންތަން ބަދަލުވެއްޖެ، ބޮޑު މިސްކިތާ ދިމާލުގައި އަލަށް ވޮޑެން ފަށާފައި އޮތް ތުނޑިއެއްވެސް އެބަ އޮތޭ މީހުން ކިޔާ، މަންމަ މިއުޅެނީ އަދި އެދިމާލަށް ނުދެވިގެން، އެހެން ނޫނަސް އެއީ އާންމުކޮށް މީހުން ގޮސްއުޅޭ ހިސާބެއްވެސް ނޫންވިއްޔާ، ދެން ދަނީ އެނގޭ މަންމަ” ދާރާ ކުރަން ހުރި ކަންތައް ނިންމާލަމުން ހެދިކާއެޅި ކޮތަޅު ހިފައިގެން ހިނގައިގަތީ ގޭން ބޭރަށް ނުކުތުމަށެވެ.

“ދޮންބޭ، ހިނގާބަލަ އެތަން ބަލާލަން ދަމާ” ބަލްމާ ކުއްލިއަކަށް ބުނެލިއެވެ. ޒީނިޔާވެސް އެކަމާ އެއްބަސްވިއެވެ. އޭނާވެސް އެތަން ބަލާލާހިތްވީ އެއީ އާންމުކޮށް ނުފެންނާނޭ ގުދުރަތީ ރީތި މަންޒަރަކަށްވާތީއެވެ. މުނީބު އެއްބަސްވުމުން އަވަހަށް އަޒްކާ ރީތި ކޮށްލައިގެން ނުކުތީ ތުނޑި ބަލަން ދާންށެވެ. މުނީބުގެ ދެމަފިރިންނާއިއެކު ކުރީގައި ތިބީ ބަލްމާ އާއި ބަތީލެވެ. ރަށުގައި ހުރި ބޮޑު މިސްކިތާ ދިމާލަށް ދާނެގޮތް މުނީބަށް ރަނގަޅަށް ނޭނގުނަސް ބަލްމާ އާއި ބަތީލަށް އެނގެއެވެ. އެމީހުން ކުރީގައި ތިބެ އެދިމާލަށް ހިނގަމުން ދިޔައިރު މުނީބު އޭނާގެ ޅައިރުގެ ހަނދާންތައް ކުރަމުން ދިޔައެވެ. ހަނދާނުގައި ހުރި ކަންތައްތައް ޒީނިޔާ އާއި ޚިއްޞާކުރަމުންދިޔައެވެ. ރަށަށް އާދެވޭ ކޮންމެ ފަހަރަކުހެން އެއީ މުނީބުގެ އާދައެވެ. އެހެންނަމަވެސް ޒީނިޔާ އެވާހަކަތައް އަޑުއަހަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އެރަށާއި މުނީބު ގުޅިފައިވަނީ ކިހާ މިންވަރަކަށްކަން އޭނާއަށް އެނގޭތީއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އުފަން ރަށްދެކެ ލޯބިވާނެތާއެވެ.

“އަދިވެސް ވަރަށް ދުރުތަ” މުނީބަށް އަހާލެވުނެވެ.

“މިދިމާލުގައި އޮންނަ ވާހަކަ މަންމަ ބުނީ، އަތިރިއަށް ފޭބީމަ ކަންނޭގެ ފެންނާނީ” ބަލްމާ ބުނެލިއެވެ.

އެއްކޮޅަށް ހިމަކޮށް ދިގުކޮށް އޮތް ދޮންވެލި ތުނޑި ފެނުމުން އެންމެންގެ މޫނުމަތިން ތަފާތު ހިތްހަމަޖެހުމެއްގެ އަސަރު ފާޅުވެގެން ދިޔައެވެ. ބަލްމާ އަރައިގެން ހުރި ފައިވާން އަތަށް ނަގާލުމާއިއެކު އެހިސާބުގައި ހިނގާލުމަށް ތައްޔާރުވެލިއެވެ. މުނީބު، އަންހެނުންނާ ދަރިފުޅު ގޮވައިގެން އެއްފަރާތުގައި މަޑުކޮއްލިއެވެ.

“ބައްތޫ، ޖޮބެއް ލިބެން އުޅޭ ވާހަކަ ބުނެފަ މިހާރު އެކަން ކިހިނެއްވީ” ބަލްމާ، އޭނާ އާއިއެކު ތުނޑީގެ ރާޅު ޖަހާ ހިސާބަށް ހިނގަމުންދިޔަ ބަތީލަށް ބުނެލިއެވެ.

“އެހާ އަވަހަށް އެކަން ހަމަޖެހޭ ގޮތެއް ނުވި، މިންހާޖު ކުރިން ބުނީ އޭނާގެ ފުރެންޑު ބުންޏޯ ރަށު އޮފީހުގެ އިދާރީ ބައިން ހަމަޖެހި ދާނެޔޭ، އެކަމަކު މިހާރު ކިޔަނީ ހޮސްޕިޓަލުގެ ރިސެޕްޝަނުން ޖާގައެއް ދޭވާހަކަ، އަހަރެން މިހުންނަނީ އެކަމާ ވަރަށް ފޫހިވެފަ، އެ ދޮންތަ ގަނޑު ހޮސްޕިޓަލުގަ އުޅޭހާ ދުވަހަކު އަހަރެން ބޭނުމެއްނޫން އެތަށް ވައިވެސް އެޅޭކަށް، އެތަނަށް ގޮސްފިއްޔާ އަދި ވަކިން މަގޭ ކަންތައްތަކާ ބޭހޭނެ” ބަތީލު އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބުންޏެވެ.

“ތީވެސް ތެދެއް، އެކަމަކު ތަނަކަށް ނުގޮސް ހުރުމަށްވުރެ އެތަނަށް ދިއުން ރަނގަޅެންނު، ސްކޫލު ނިމުނު ފަހުން މިހާރު ކިހާ ދުވަހެއް، އަދިވެސް މަންމަ ބައްތުގެ ހުރިހާ ޚަރަދެއް އެބަ ބަލަހައްޓާދެނީ، ދެން އަނެއްކާ ކިރިޔާ އެއްޗެއް ބޭނުންވާއިރަށް ތިބުނަނީ މިންހާޖު ގާތު ގަނެދޭށޭ، ރައްޓެހިވެގެން އުޅުނަސް އޭނާއަކަށް އަދި ނުޖެހޭނެ ޚަރަދު ކުރާކަށް، މަށަށް ދެން ވަރަށް ކަޑަ ބައްތު އެހެން ހަދާތީ، މިންހާޖުގެ ގޮތެއްވެސް ނޭނގޭ” ބަލްމާގެ ހިތާ ސިކުނޑީގައި މިފަހަކަށް އައިސް މިންހާޖާއިމެދު ވަނީ ފޫހިކަމެއް އުފެދިފައެވެ. އެހެންވެ އޭނާގެ ނަންކިޔާ ކޮންމެ ފަހަރަކުހެން ބަލްމާގެ މޫނުމަތިން ވައްތަރުތައް ޖައްސާތަން ފެނެއެވެ.

“އަހަރެން އޭނާ ގާތު އެއްޗެއް ގަނެދޭށޭ ނުބުނަން، އޭނަ އަމިއްލައަށް ދީފަހުރި އެއްޗެހި މަގޭ އަތުގަ ހުންނާނީ، މިހާރު ދެން މިއުޅެނީ ވަޒީފާއަކަށް ދާކަންނު، ބެލް އަބަދު މިހާރު މިންހާޖު އޭ ކިޔައިގެން ޗުކުޗުކު ތެޅުވުން ނޫންކަމެއް ނޯވޭ، މިންހާޖަކީ ތިހީކުރާ ކަހަލަ ނުބައި މީހެއްނޫނޭ، ޤައިމު އަހަންނަށް ވަޒީފާއެއް ހޯދާދޭންވެސް އެ މަސައްކަތް ކުރަނީ ހަމަ އޭނާ” ފޫހި ކަމާއިއެކު މިހެން ބުނެލި ބަތީލު، އަރައިގެން ހުރި ފައިވާނުގެ ކޮޅުގައި އެއްޗެއް ޖެހިގެން ތިރިއަށް ބަލާލިއެވެ.

“ތިތާ އެއްޗެއް އޮތީތަ” ދެބެންގެ ފަހަތުން މުނީބުގެ އަޑު އިވުނެވެ. އޭރު ކުޑަކުޑަ އަޒްކާ ޒީނިޔާގެ އަތުގައި ހިފައިލައިގެން ހުރެ ނުފަރިތަ ފިޔަވަޅު ތަކެއް އަޅަމުން އާދެއެވެ.

“އެއީ ބޮއްޔެއް” ބަތީލު ތިރިވެލަމުން ބަލާލާފައި ބުންޏެވެ.

“ދެކުދިން ވެގެން ކޮއްކޮ ބަލާލަބަލަ، އެބަ އަންނަން ޒީނިޔައްތައަށް އެފަރާތް ދައްކާލާފަ” މުނީބު ލޯބި ގޮތަކަށް ޒީނިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއިއެކު ބަލްމާ ލާނެތް ގޮތަކަށް ހީނލާފައި އައިސް އަޒްކާގެ އަތުގައި ހިފާލިއެވެ. ޒީނިޔާގެ ހަރަކާތްހުރި ގޮތުން ހީވަނީ މުނީބު އުޅޭ ގޮތުން ލަދުގެންފައި ހުރި ހެނެވެ.

“ދޮންބެ އާއި ޒީނިޔައްތަ އަދިވެސް އުޅެންވަނީ ދެބިޓުން އުޅޭހެން، އަސްލު މިތަން ވަރަށް ސަޅިއޭ ދުވާލު ގަޑީގަ އަންނަންވެސް، އެއްވެސް މީހެއްގެ ހިލަމެއްނުވޭ” މުނީބު އާއި ޒީނިޔާ ތަންކޮޅެއް ދުރަށް ދާންދެން ބަލަންހުރެފައި ބަލްމާ ބުނެލިއެވެ.

“މަވެސް އަންނަ ހިތްވަނީ ދުވާލު، އެކަމަކު ރޭގަނޑު މިތަނުން ތަނެއް ދޮރެއްވެސް ވަތްކެއް ނުވާނެ، ބޮޑު މިސްކިތުގެ އަލިވެސް މިހިސާބަކަށް ނުފޯރާނެ، ބެލް، މިފަހަރު އާދެވުނު ފަހަރު ވާނެ ތުނޑީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލަން، އެކޮޅުގެ މޫދު އަދި މާ ސަޅިހެން ހީވަނީ” ބަތީލު ތުނޑި ނިމިފައި އޮތް ހިސާބަށް ނަޒަރު ހުއްޓާލިއެވެ.

“އަޒްކޮއަށް އެހިސާބަކަށް ނުދެވޭނެ، އަނެއްކާ ތުނޑީގެ ކޮޅު އެއޮތީ ފިނޮޅެއްހެން ދެފަރާތަށް ރާޅު ޖަހާގޮތަށް” ބަލްމާ، އަޒްކާގެ އަތުގައި ހިފާލައިގެން ހުރެ ބުންޏެވެ.

“އަޒްކޮ އުރާލީމަ ނިމުނީނު، ދޮންބެމެން އަންނާނީ ކޮންއިރަކުން ކަމެއްވެސް ނޭނގޭ، މިތާ ކަމެއްނެތިފައި ނުހުރެވޭނެއެންނު” ބަތީލު މިހެން ބުނެ ގުދުވެލާފައި އަޒްކާ އާއި ތުއްތުކޮށް ވާހަކަ ދައްކާލަމުން އެކުއްޖާ އުރާލައިފިއެވެ. އަދި ބަލްމާ އާއިއެކު ތުނޑީގެ ކޮޅާ ދިމާލަށް ހިނގަންފެށިއެވެ. ވަކި ވަރަކަށް ދެވުމުން ލައްކަ ތަނުގައި ހިނގިއްޖޭ ކަމަށް ހީކޮށް ބަތީލު ފަހަތަށް ބަލާލިއެވެ. އެހިނދު ކުއްލިއަކަށް އަތިރިމަތީ ކުޑަކޮށް އެއްގަމަށް ވާގޮތަށް ހެދިފައި ހުރި މަގޫގަސްތަކާއި ބޮޑު ދިއްގާ ގަހާއި ޖެހިގެން ހުރި ބަނބުކެޔޮ ގަހުގެ ދޭތެރޭގައި މީހަކު ބަލަން ހުރިހެން ބަތީލަށް ހީވުމާއިއެކު ސިހިއްޖެއެވެ.

“ކިހިނެއްވީ، އެއްޗެއްގަ އަޅައިގަތީތަ” އަޒްކާ އުރައިގެން ހުރެ ބަތީލު ސިހުމުން ބަލްމާ އަވަސް އަވަހަށް އެދެމީހުންގެ ގައިގާވެސް ހިފަހައްޓާލަމުން ސުވާލުކޮއްލީ ކަންބޮޑުވެފައި ހުރި ގޮތަކަށެވެ.

“އަހަރެން ހީކުރީ ދޮންބެމެންގެ ހިލަމެއްވީ ކަމަށް، އެކަކުވެސް ނެތް، ހިނގާ ދަމާ” ބަތީލު ބުނެލިއެވެ.

ބަތީލު، ބަލްމާއަށް ބަލާލާފައި އެނބުރި ބަނޑުކެޔޮ ގަހާއި ދިމާލަށް ބަލާލިއިރު އެތަނުގައި މީހަކު ހުރި ކަމުގެ އެއްވެސް ހިލަމެއް ނެތެވެ. ފަޅި ސުކުންތަކަށްވުރެވެސް މަދު ހިނދު ކޮޅެއްގެ ތެރޭގައި ބަތީލަށް އެތަނުގައި މީހަކު ހުރިކަން ފާހަގަވިކަން ޔަގީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ އަމިއްލަ ޒަމީރަށާއި، ލޮލުގެ ފެނުމުގެ ކުޅަދާނަކަމަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ހިތްނުތަނަވަސް ވާގޮތް ވި ނަމަވެސް ތިންވަނަ ފަހަރަށްވެސް އެދިމާލަށް ބަލާލެވުނެވެ. މީހަކު ފެންނަން ނެތުމުން އިތުރަށް ބަލްމާ ހާސްވެދާނެ ފަދަ ކަމެއް ނުކުރަން ވެގެން، ކުރިއަށް ބަތީލު ހިނގަން ފެށިއެވެ. އަދި ސިކުނޑިއަށް ދާދި ދެންމެއަކު ވަން ޚިޔާލު ނެރެލުމަށްޓަކައި އަތުގައި އިން އަޒްކާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އެނާގެ ވާހަކައިގައި ބަލްމާވެސް ބައިވެރިވެލައެވެ.

“އެތަނުގަ މީހަކު މޫދަށް އެރި އުޅެނީތަ” ރާޅު ބާނިތައް މާވަރުގަދަ ވާހެން ހީވެ ބަތީލު އަހާލިއެވެ.

“ނޭނގެ، ފީނަންވެސް އައިސް އުޅެދާނެ، އަހަރުމެން ނޫނަސް އެކަނިވެލަން ބޭނުންވާ އެތަށް ބަޔަކު މިކަހަލަ ތަންތަނަށް އަންނާނެ އެންނު، ވެދާނެ ދެބިޓުން ކަމަށްވެސް، މަޖާވާނެ އެހެންވެއްޖެއްޔާ، ވާނެ އަޑު ގަދަ ކޮއްލަން އެނގޭ” މަޖާވެލާފައި ހުރި ބަލްމާ ބުންޏެވެ.

“ބެލް، އެހެން ފަހަރަކުން އަންނަން މަށަށް ފެންނަނީ ދެން ދާން” ބަތީލުގެ ޚިޔާލު ކުއްލިއަކަށް ބަދަލުވިއެވެ.

“މިހާރު ކިހިނެއްވީ، ވަރަށް ފޫހި މީހެއް މީ، އެތަނުގަ ބަޔަކު އުޅޭކަން އެނގުނީމަ ދޯ ނުދާންވީ، މަ އެކަނި ގޮސް ބަލާފާނަން، ބައްތު އަންނަން ބޭނުން ނުވަންޏާ މިތާ މަޑުކުރޭ، މިއަންނަނީ ދުވެފަ ގޮސް ބަލާލާފަ” ބަލްމާ ގޮތްދޫނުކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.

“މަވެސް ގޮސްދާނަމޭ” ބަތީލު ކުއްލިއަކަށް ބަލްމާގެ އަތުގައި ހިފަމުން ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ދެކުދިން ކުރިއަށް ހިނގަމުން ދިޔައެވެ. ބަތީލަށް ބުނެދޭން ނޭނގޭ ގޮތްތަކެއް އިޙްސާސް ކުރެވެމުންދާތީވެ އޭނާގެ ހިތް ބިރުގަންނަ ފަދަ ގޮތެއް ވަނީއެވެ. ހަވަނަ ހިއްސު އަންގައިދޭން އެމަސައްކަތް ކުރަނީ ކޮންކަމެއްކަން ބަތީލަށް ވިސްނައިގަންނާކަށް ނޭނގުނެވެ. އަޒްކާ ގަޔާ ބޮޑަށް ކައިރިކޮއްލައިގެން ހުރެ ހިނގަމުން ދިޔައެވެ. ދެންވެސް ހަމަ ހުރެފަ ބަލާލެވުނު ގޮތަކުން ކުރިމަތިން ތުނޑީގެ ކޮޅުގައި ހުރި ހިޔަންޏެއް ބަތީލަށް ފެނުނެވެ. ވަގުތުން ދެލޯ މަރާ ބާރުކޮއްލުމަށްފަހު ހުޅުވާލީ ފެންނަ ފެނުން ދޮގުވެދާނެތީއެވެ. އެހެންނަމަވެސް އެމީހަކު އެތަނުގައި ގުޑިވެސް ނުލާހުއްޓެވެ.

“އެއީ ކޮންމެ މީހަކަށްވިޔަސް އަހަރުމެންނާ ކޮންކަމެއް، ބެލް ކައިރީ… އޯނޯ، ވަގަކަށްވެސް ވެދާނެ، ޕާޓޭއަކަށްވެސް ވެދާނެ، އަހަރުމެން ދެ އަންހެނުން… އޭނާގެ ރަޙުމަތްތެރިން ފިލާވެސް ތިބެދާނެ” ބަތީލުގެ ސިކުނޑީއަށް އަރަމުންދިޔައެވެ.

“ބެލް ޕްލީޒް، ހުއްޓިބަލަ، އެތަނުގައި އެހުރީ ފާޓޭއަކަށްވެސް ވެދާނެ އެންނު، އަހަރުމެންނަށް ކަމެއް ކޮއްފާނެ، އަނެއްކާ އަޒްކޮވެސް ގޮވައިގެން އަހަރުމެން މިތިބީ، ދުއްވައިގަތަސް މީނަ ގޮވައިގެން ކިހިނެއް ދުވާނީ، އަހަރުމެން އަމިއްލަ އަށް ގޮސް އޭނާގެ މަޅީގެ ތެރެއަށް ވަންނަ ވަރަށް ވުރެ ވިސްނުން ރަނގަޅުވާން ޖެހޭނެ” ދުރުގައި ހުރި މީހާއަށް ބަލަހައްޓައިގެން ހުރެ ބަތީލު، ބަލްމާ އާއި ވާހަކަދެއްކިއެވެ.

“ކޮން ޕާޓޭއެއްތަ، ބައްތުގެ ވިވިޑް ޚިޔާލުތައްވެސް ދޯ، މޫދުގައި އުޅޭ ބަޔަކަށް އަހަރުމެން އެހިސާބަށް ދާކަމެއް ނޭނގޭނެ، މި ހިމުން ވެލީގައި ފައި އަޅާލާއިރަކަށް ޓޮކް ޓޮކް އެއް ނުގޮވައޭ، އެނގުނިއްޔާ އެނގޭނީ ބައްތުގެ އަނގަ ގަދަ ކަމުން” ބަލްމާ ބުނެލިއެވެ. ބަތީލު ހައިރާންވެފައި އަނެއްކާވެސް ކުރިމަތިން ފެންނަން ހުރި މީހާއަށް ބަލަން ފެށިއެވެ. އެމީހަކު ހުރީ ފުރަގަސް ދީގެން މޫދާ ދިމާލަށް އެނބުރިގެނެވެ. އެހެން ހުރެ އޭނާ ކުރާކަމެއް ބަތީލުވެސް އޮޅުން ފިލުވާލަން ބޭނުންވެއެވެ. ކައިރި ވީ ވަރަކަށް އެމީހަކީ ފަސްފޫޓު ތިން އިންޗި ވަރަކަށް އުސްކޮޅުން ލިބިފައި ހުރި ފިރިހެނެއްކަން އެނގުނެވެ. ނަމަވެސް އެއްފަހަރުވެސް އޭނާ އެނބުރި ބަތީލުމެންނާއި ދިމާލަށް ބަލައެއް ނުލައެވެ.

“އޭތް!، އެއީ ކާކު، ކޮންއިރަކު އޭނަ އެތަނަށް އައީ” ކުއްލިއަކަށް ހުއްޓުން އެރި ބަލްމާއަށް ބަތީލުގެ އަތުގައި އަތްޖައްސާލެވިއްޖެއެވެ.

“ނޭނގެ މަށަކަށް، އޭނަ ބަލަންވެގެންނު ބެލް ތިހާ ކައިރިއަށް އަންނަން ބޭނުންވީ” ބަތީލު ބުނެލިއެވެ. އޭރު އެމީހުނާ ދިހަވަރަކަށް ފޫޓު ދުރުގައި އެމީހަކު ހުރި ގޮތަށް އެނބުރިވެސް ނުލާ ހުއްޓެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. ބަތީލުގެ ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހުނު ފަދަ ފިނި އިޙްސާސެއް ކުރެވިގެން ދިއުމުން ފަހަތަށް ފިޔަވަޅު އަޅާލެވުނީ ބަލްމާގެ އަތުގައިވެސް ހިފައިގެންނެވެ.

“ދޮންބެއަށް ގުޅާބަލަ، އާދޭ ދާން” ސީރިއަސް ކަމާއިއެކު ބަތީލު، ބަލްމާގެ އަތުގައި ހިފައި އައިކޮޅަށް ދިއުމަށް އެނބުރުނެވެ،

“ސޯ ކްރީޕީ ދޯ، އަހަރުމެންގެ އަޑު އޭނާއަށް ނީވެނީތަ، ނޫނީ އޭނާ ހުރީ ފުރަގަސް ދީގެން ކަމެއް ކުރަންތައް” ބަލްމާ ސިއްރު ސިއްރުން ބަތީލާއި ވާހަކަދެއްކިއެވެ.

“ނޭނގެ” ބަތީލުގެ ޖަވާބު ކުރެވެ. އޭރު ބަލްމާ، މުނީބަށް ގުޅަން ފޯނުގައި ނަންބަރު ޖަހާލައިފިއެވެ. ބަތީލު ހުރީ ބޮޑު ފިކުރެއްގައެވެ.

“ހުވަފެން ހަޤީޤަތަކަށް ދުވަހަކުވެސް ވޭތަ، ނުވާނެ އެހެނެއް، މެޖިކް ބޭނުން ކުރުމުގެ ބާރު ކާކަށްތަ ލިބިފައިވަނީ، އެހެންނޫނަސް މިރޭކަލްސް އެއް މިހާރަކު ނުފެނޭ، އެވެސް ޤަބޫލު ކުރެވޭ ކަމެއް ނޫން، އެކަމަކު އަހަންނަށް ހުވަފެނުން ފެންނަނީ އަބަދުވެސް ފުރަގަސް ދީގެން ހުންނަ ފިރިހެނެއް، ފުރަގަހުން ބައްޕަހެން ހީނުވިޔަސް އެނބުރިލާއިރު ގިނަ ފަހަރަށް ހުންނަނީ ބައްޕަ، އެކަމަކު ބައްޕަ އުޅެނީ އަހަންނަށް ދެރައެއް ދޭންވެގެން، މީދެން ކޮން ކަހަލަ ސަކަރާތެއްތަ، ބޯ ހާސްވުން ނޫން ކަމެއް ނުވޭ، ވިއަރޑް ހުވަފެންތަކާއި އެއްޗެހި ބަލާކަށް އަހަރެން ބޭނުމެއްނޫން، ހުވަންފެންތައް ހަޤީޤަތަކަށް ވާކަށްވެސް ބޭނުމެއްނޫން” ބަތީލުގެ ކޮނޑާ ދިމާލުން މީހަކު އަތްލިހެން ހީވެ ފަހަތަށް ބަލާލެވުނީ ސިހިގެންނެވެ. އޭނާ އާއިއެކު ބަލްމާވެސް ފަހަތަށް ބަލާލިއެވެ.

“ކޮބާ އޭނަ، ބައްތު، އެމީހާ ގެއްލުނީތަ، ސީރިއަސްލީ… މަށަށް ނުފެންނަނީތަ، ބައްތު، ކަލެއަށް އެބަ ފެނޭތަ” ސިއްރުން ވައި އަޑުން ބަލްމާ ވާހަކަދެއްކި އަޖައިބުވެފައި ހުރި މީހަކު ހެންނެވެ.

“މޫދަށް އެރުނީ ކަންނޭގެ، މަށަށްވެސް އެނގެނީ ބެލްއަށް އެނގޭވަރަށް، ކުރިން އޭނާ ހުރި، މިހާރު އޭނާއެއް ނެތް، މަށަކަށްވެސް ނޭނގެ، މީހަކު އަހަރުމެން ބިރުގަންނުވަން އުޅެނީ ކަންނޭގެ” ބަތީލު ރުޅި އަންނަ ގޮތްވިއެވެ.

“އަންހެން ދެކުދިން އެކަނިތިބިތަން ފެނުނީމަ ކޮންމެވެސް ގޮތަކުން ފޮށިލާ ހިތްވީ ކަންނޭގެ، ދޮންބެއަށް ގުޅީމަ ބުނީ ވަަރަށް ކައިރީގަ ތިބި ވާހަކަ، އެމީހުން އަންނަން ވާއިރަށް ހިނގާ އެއްގަމަށް އެރޭތޯ، ފަހަރެއްގަ އެމީހަކު އަހަރުމެންނަށްވުރެ ކުރިން ހިނގައިދާނެ، އަހަރުމެން ބާރަށް ހިނގަނިކޮށް އެއީ ކާކުކަން އަތުލައިގަނެވިވެސް ދާނެ” ބަލްމާ ބުންޏެވެ.

އެއްގަމާ އަރާ މަގުގެ ދެފަރާތް ބަލަބަލާ ތިބި ބަލްމާ އާއި ބަތީލަށް މުނީބުމެންގެ ދެމަފިރިން ފެނިއްޖެއެވެ. އަވަސް އަވަހަށް އެމީހުނާއި ދިމާލަށް ހިނގައިގަތެވެ. ބަތީލުގެ ފިޔަވަޅުތައް ތަންކޮޅެއް ލަސްވީ އޭނާގެ އަތުގައި ހިފައިގެން ހުރި ކުޑަކުޑަ އަޒްކާ އާއި ހެދިއެވެ.

“މާ ބޮޑަށް ލަސްވީ ދޯ” މުނީބު ހިނިއައިސްފައި ހުރެ އަހާލިއެވެ. އެވަގުތު އަޒްކާ ދުވަމުން އައިސް ޒީނިޔާގެ އަތުގެ ތެރެއަށް ވަދެއްޖެއެވެ.

“އިރުއޮއްސޭ ވަގުތު ބޭރުގަ އުޅުނީމަ މަންމަ ރުޅި އަންނާނެ” ބަތީލު ބުނެލިއެވެ. އެންމެން އެކުގައި ގެއާއި ދިމާލަށް ހިނގައިގަތުމުން، ބަލްމާ، ބަތީލަށް ހުށިޔާރުވެ ހުރުމަށް ބުންޏެވެ. އެތަނުގައި އުޅުނު މީހަކު ފަހަރެއްގައި ގެއަށް ދާމަގުމަތީ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޭނާއަށް ހީވާތީއެވެ.

މުނީބު ގެއަށް އައިފަހުން ދާރާގެ ހަގު ދެދަރިންހެން ކޮންމެ ދުވަހެއްގެ އިރުއޮއްސޭ އިރު ތިބެނީ ގޭތެރޭގައެވެ. އެކަމާ އޭނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. މުނީބުމެން ގެއަށް ވަދެ ހަމަ ޖެހިލުމާއިއެކު މަޤްރިބު ނަމާދަށް ބަންގި ގޮވި އަޑު ހުޅުވާފައި ހުރި ޓީވީން އިވުނެވެ. ދާރާ ނަމާދަށް އެރުމަށް އަވަސްވެ ގަތުމުން މުނީބުވެސް އަންބަރާއި އެކު ގެއިން ނުކުތީ މިސްކިތަށް ދިއުމަށެވެ.

“ބައްތު، ބެލް، ދޭބަލަ މަންމަ އާއިއެކު ނަމާދަށް އަރަން، އެއްގޮތަކަށްވެސް ނަމާދު ކުރާތަނެއް ނުފެނޭ، ތީ ރަނގަޅު ގޮތެއް ނޫން، އަވަހަށް ދޭ” މުނީބު ސިޓިން ރޫމުން ނުކުންނަން އުޅެފައި ބުނެލިއެވެ. ބަލްމާ އާއި ބަތީލު ވަރަށް ފަސޭހައިން އާނއެކޭ ބުންޏެއް ކަމަކު އިންތަނުން ތެދުވާ ކަހަލަ ޚިޔާލެއް އެމީހުންގެ ނެތެވެ. ޤުރުޢާން ކިޔަވާށާއި ނަމާދު ކުރަން ދާރާ އެކުދިންނަށް ދަސްކޮށްދިނެއް ކަމަކު އެކުދިންގެ ފުރާވަރަށް އެޅިފަހުން އެކަންތައްތަކާއި ވަނީ މުޅިން ހެން ދުރުވެފައެވެ. ދަރިންނަށް އަނިޔާ ކޮށްގެން އެކަން ކުރުވަން ދާރާ ބޭނުން ނުވަނީ އޭނާއަކީ ދަރިންދެކެ ނުހަނު ލޯބިވާ މަޔަކަށްވާތީ އެހެން ހަދަން ނުކެރިގެންނެވެ. ނަމަވެސް އޭނާގެ ދަރިން ދީނީ ކަންތައްތަކާއި ދުރުވާތީ އެކަމާ އެންމެ ބޮޑު ހިތާމައެއްވެސް ކުރަނީ ޚުދު އޭނާއެވެ.

ރޭގަނޑުގެ އަރާމު ނިދީގައި އެންމެން ބައިވެރި ވަމުން ދިޔައިރު ބަތީލު އިނީ ކޮމްޕިއުޓަރ ކައިރީގައެވެ. އެނދުގައި އޮށޮންނަން ބޭނުން ނުވެފައި އިންހެނެވެ. ބަލްމާ ނިދޭތޯ ދެފަރާތަށް ފުރޮޅެމުން ދިޔައެވެ.

“ބައްތު، ނިދާ ބޮކި ޖައްސައިގެންވެސް ތިތާ ކޮމްޕު ކައިރީ އިނދެވޭނެ، އަނެއްކާ ސްކްރީނުންވެސް އެހާ އަލިވޭ، މަށަށް މިއުޅެނީ ނުނިދިގެންނޭ، ހޮޅިބުރި ނިވާލަންވީނު” ބަލްމާ ބޯހިއްލާލާފައި ބަތީލަށް ބުންޏެވެ.

“ތި ރަޖާ ބޮލާ އެއްކޮށް އަޅައިގެން ނިދާބަލަ، އޭރުން އައްޔެއްވެސް ނުވާނެ، އަހަރެން ބޭނުމެއްނޫން ހޮޅިބުރި ނިވާލާކަށް” ބަތީލު ރުންކުރު ގޮތަކަށް ބުނެލިއެވެ. ހަޤީޤަތަކީ އޭނާ އަނދިރީގައި ބިރުގަންނަ ގޮތްވާތީއެވެ. ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭގައި ކޮޓަރީގައި އޭނާ އާއި ބަލްމާ ނޫން އިތުރު ފަރާތެއް ވާކަމުގެ އިޙްސާސެއް އޭނާއަށް ކުރެވޭތީއެވެ. އަނެއްކޮޅުން ރޭގަނޑު ނިދަންވެސް ބޭނުންނުވަނީއެވެ. ނިދުމުން ދެން އޭނާއަށް އެދިމާވާ ގޮތް ނޭނގޭ ކަންތައްތަކުން ހިތްބިރު ގަނެފައި އަބަދު ހުންނާތީއެވެ. މީހަކު ކައިރީ އެވާހަކަ ދައްކަންވެސް ޖެހިލުންވަނީ ބުއްދި ޤަބޫލު ކުރެވޭ ކަހަލަ ކަމަކަށް އެކަން ނުވެ ހިނގައިދާނެތީއެވެ.

ކުދި ކިޔަމުން ދިޔަ ބަލްމާއަށް މަޑުމަޑުން އޮވެ ނިދިއްޖެއެވެ. ފޭސްބުކްގައި ރަޙުމަތްތެރިންނާއި ވާހަކަދައްކަން އިން ބަތީލުވެސް އެހެން ޚިޔާލުތަކާއި ދުރުވެ ކުރަން އިން ކަމުގެ ތެރެއަށް ހުރިހާ ޝައުގުވެރިކަމެއް ދޫކޮއްލައިގެން އިނެވެ. އެހެން އިންދާ ދެތިން ފަހަރު ހޮޅިބުރީގެ އަލި ފިޔަ ޖަހާލި ފަދަ ގޮތެއް ވެގެން ދިޔަކަން ބަތީލަށް ނަގައެއް ނުގަނެވުނެވެ. ގިނަ އިރެއްނުވެ ދެން އިވުނީ ފާޚާނާ ތެރެއިން ބާރު އެއްޗެއް ވެއްޓި ޖެހުނު ފަދަ އަޑެކެވެ. ބަތީލު ސިއްސައިގެން ގޮސް އިން ތަނުން ތެދުވެވުނެވެ. އަދި ފާޚާނާގެ ދޮރާ ދިމާލަށް ބަލަން ހުރެވުނެވެ. އިވުނު ގަދަފަދަ އަޑުން ކަންފަތްވެސް ހީވީ ބައްވެފައި ހުރިހެންނެވެ. އޭގެ އަސަރު ކަންފަތުން ފިލީ އިރުކޮޅެއް ފަހުންނެވެ. ދެން އިތުރަށް ކޮމްޕިއުޓަރ ކައިރީ އިންނާނެހާ ހިތްވަރެއް ބަތީލަކަށް ނުލިބުނެވެ. މަޑުމަޑުން އައިސް ބަލްމާގެ އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ. ކަންބޮޑުވެފައި އިން ފަދަ ގޮތަކަށް ކޮޓަރީގެ ވަށައިގެން ބަތީލަށް ހޯދެމުންދިޔައެވެ. ހޯދަނީ ކޮންއެއްޗެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ދެންވެދާނެ ގޮތަކާއިމެދު ނޫނީ އިވިދާނެ އަޑަކާއިމެދު ހުށިޔާރުވެ އިންހެން ހީވެއެވެ. ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު އަތުގައި އޮތް ފޯނުން ގަޑި ބަލާލަން އުޅުނެވެ. ރަނގަޅަށް ފޯނުގެ ސްކްރީނާއި ލޯ އަމާޒު ނުވަނިސް ދެން އިވުނީ ކޮޓަރީގެ ބޭރު ދޮރު ކައިރީން ބަތީލުގެ ނަމުން ގޮވާލި އަޑެވެ. އިވުނީ މިންހާޖުގެ އަޑެވެ. އޭގެ ކުޑަކުޑަ ހިނދުކޮޅެއް ފަހުން ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރިން އަނެއްކާ މިންހާޖުގެ އަޑުން މީހަކު ބަތީލަށް ގޮވާލައިފިއެވެ. ނެގިނެގިފައި ޖެހެމުންދިޔަ ބަތީލުގެ ހިތުގައި ހިފަހައްޓާލަންވެސް އޭނާ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ގެންނައުމަށްވުރެ ވަށައިގެންވާ ކަންތައްތައް ދެނެގަތުން މުހިންމު ކަމުގައި ހީވެ ވަށައިގެން އަދިވެސް ހޯދަމުން ދިޔައެވެ. “ޓަސް” ކުއްލިއަކަށް އެނިވުނީ ހޮޅިބުރިއެވެ. ނިދާފައި އޮތް ބަލްމާގެ ގައިގާ ބަތީލަށް ހިފަހައްޓާލެވުނު ވަގުތު ކުރިމަތީގައި ބޮޑު ހިޔަންޏެއް ހުއްޓައި ފެނުނެވެ. ހަޅޭލަވައި ގަންނަން އަނގަހުޅުވާލި ބަތީލުގެ އަޑުވަނީ އަރުގައި ބަންދުވެ ތާށިވެފައެވެ. ތޫލި ހިމަ ހިމަ އަޑެއް ކޮންމެވެސް ވަރަކަށް ނުކުތްހެން ހީވިއެވެ. ދެން އޭނާއަށް އިޙްސާސްވީ ރާޅުކަން އެކުލެވިފައިވި ކޮންމެވެސް އެއްޗެއް އޭނާގެ މޫނުގެ ކޯތާފަތުން ފެށިގެން ކަނދުރާ އާއި ކޮނޑާ ދިމާލުގައި ހޭކިގެން ދިޔަ ހެންނެވެ. އަވަސް އަވަަހަށް ދިރޭ އެއްޗެއް އެރުމުން ފޮޅާލާ ފަދަ ހަރަކާތެއް ބަތީލ ގެނައެވެ. ކޮމްޕިއުޓަރު ހުރި ދިމާލަށް ބަލާލެވުނީ އޭގެ މޮނީޓަރުގެ ސްކްރީން ނިވުނީ ހޮޅިބުރީގެ އައްޔާއި އެކުހެން ހީވެގެންނެވެ. ފަންކާގެ ފިނިކަން އިޙުސާސް ކުރެވެމުންދާތީވެ ކޮޓަރީގައި ކަރަންޓު ހުރިކަން ބަތީލަށް އެނގުނެވެ. ނެތްހިތްވަރު ނެރެމުން ފާރުގައި ހުރި ސްވިޗު ބޯޑުން ފިތެއް ޖައްސާލީ ހަލުވިކަމާއިއެކު ގޮހެވެ. ނިދާބޮކީގެ ފަނޑު އަލި މުޅި ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ކަނު އަނދިރިކަމަށްވުރެ އެއަލިވެސް ބަތީލަށް ކަމުދިޔައެވެ. ބިރުގެންފައި ހުރިވަރުން ދެންވެސް ބަތީލު އައިސް އެރީ ބަލްމާގެ އެނދަށެވެ. އަވަސް އަވަހަށް ބިއްދޮށަށް އަރާ ބަލްމާގެ ރަޖާގަނޑުގެ ދަށަށް އޭނާވެސް ވަދެއްޖެއެވެ. ބަލްމާ އާއި ޖެހިގެން ކަހަލަ ގޮތަކަށް ދެލޯ މަރާ ބާރު ކޮއްލައިގެން ބަތީލު އޮތީ ދެންވާނެ ގޮތެއް ނޭނގޭ ހާލުގައި ހާސްވެ ވަރަށް ކަންބޮޑުވެފައެވެ.

ވީގޮތެއް ނޭނގި މަޑުމަޑުން ބަތީލުގެ ދެލޯ މެރި ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔަ ކަހަލައެވެ. އެހެން ރޭ ރޭއެކޭ އެއްފަދައިން މިރޭ ވެސް އޭނާގެ ހުވަފެންތައް ފެށުނީ ދެނެވެ. ކައިރީ ބަލްމާ ޖެހިގެން އޮތްއިރުވެސް ބަތީލުގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަ ކަމެއްވެސް ނޫނީ އޭނާ ހަރަކާތެއް ކުރާކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.

ނިދީގައި ހުރެ ފާޚާނާއަށްވަދެ އެތަށް އިރަކު ފެންމާގަނޑު ދަށުގައި ފެންވަރަން ހުރުމަށްފަހު ބަތީލު ނުކުތެވެ. އެހެން ރޭރޭ އެކޭ އެއްގޮތަށް މިރޭވެސް ގައި ހިއްކާލައިގެން އަލަމާރިން ޓީޝާޓު ކޮޅަކާ ސޯޓުކޮޅެއް ލައިގެން އަނެއްކާވެސް އެނދަށް އަރައި އޮށޯވެއްޖެއެވެ. ދެންވެސް އޮތީ ގަދަ ނިދީގައެވެ. މުޅިންވެސް އޮންނަނީ އުއްޑުންނެވެ. އެކަމަކު ބަތީލަކީ އުއްޑުން ނިދަން އާދެވެފައި ހުރި ކުއްޖެއް ނޫނެވެ.

ފަތިސް ނަމާދަށް ހޭލި ގޮތަށް ދާރާ އޭނާގެ މަސައްކަތާއިގެން އުޅެމުންދިޔައެވެ. ދެދުވަހެއްގެ ތެރޭގައި ދާރާ މެންގެ ފުރުންވެސް ހަމަޖެހިގެން ދިޔައެވެ. އަތޮޅު ތެރޭގެ ރަށަކަށް ދާތީވެ ފަސޭހަ ކަމާއިއެކު ރަށަށް އާދެވޭނެ ކަމުގެ ޔަގީން ކަން އެންމެންގެ ހިތުގައި ވެސް އޮތެވެ. މުނީބު ހިތްހަމަ ޖެހިލާފައި ހުއްޓެއް ކަމަކު ޒީނިޔާގެ މޫނު މަތި ފެންނަނީ ބަނަކޮށެވެ. ދާރާ، ބަތީލުގެ ދަބަސް ތައްޔާރު ކޮއްދިނުމަށްފަހު ލައްޕާލިއެވެ.

“ހާދަ ފޫއްސެވެޔޭ އެރަށަށް، ބައްޕަ އެކަނި ގޮސް އެތަނުގެ ކަންތައްތައް ނިންމާލާފައި އައީމަ ނިމުނީނު، ކޮންމެހެން އަހަރުމެން ހުރިހާ އެންމެން ގެންދަން ޖެހޭތަ” ފެޝަން ފުރުޓުވެޔޮ ދަށުގައި ހުރި ސަރަންފީއަށް ވެއްޓިގަނެގެން ކަހަލަ ގޮތަކަށް އޮތް ބަތީލު ބުންޏެވެ.

“މަވެސް ވަރަށް ފޫހިވާނެ ބައްތު ނެތީމަ، ތިއެއް ނޫނޭ ދެންވެސް ބުނެބަލަ، ކީއްވެތަ ބައްތު މިހާރު އަހަރެންގެ އެނދުގައި ނިދަނީ، މިހާރު މިހެންވެސް މިއެހެނީ ކިތައް ފަހަރު، އަޅެ ދެން ބުނެބަލަ” ބަލްމާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. މެންދުރުގެ ހޫނު ގަދަ ވަގުތަށްވެފައި ދެކުދިންވެސް ތިބީ ހިޔަލުގައި ފިނިކޮށްފައި ހުރި ދެޖޫސްތަށި ހިފައިގެންނެވެ. އޭގެ އިތުރުން މެންދުރު ކާން ހެދި ފާސްތާ އަޅާފައި ހުރި ދެށިވެސް އެތަނުގައި ހުރި ކުޑަމޭޒުމަތީގައި ހުއްޓެވެ.

“ބެލް، އަހަންނަށް ހީވަނީ އަހަންނަށް މިހާރު ސްލީޕް ވޯކް ކުރެވެނީހެން، ކީއްވެތަ މިހާރު ބެލް ހޭލާ ނޯންނަނީ، މާ އަވަހަށް މިހާރު ތި ނިދަނީ” ވަރަށް ވިސްނަން އިނދެފައި ބަތީލު ބުނެލިއެވެ.

“މަށަކަށްވެސް ނޭނގެ ވާގޮތެއް، ހަމަ ނިދިއަންނަނީ، މިހާރު އެންމެ ރެއަކުވެސް ހޭލައެއް ނޯވެވޭ، ބައްތު، ސްލީޕް ވޯކް ކުރެވޭކަން ކިހިނެއް އެނގުނީ” ބަލްމާ އަހާލިއެވެ.

“ކޮންމެ ރެއަކު މިހާރު ފެންވަރަން ވަދެވޭ، އަހަރެން ފެންވަރަން ދާން ބޭނުންވެގެންނެއް ނޫން ދަނީކީ، ރިއަލައިޒް ވަނީވެސް ފެންވަރައިގެން ނުކުންނަ ފަހުން، ނޫނީ ފެންވަރައިގެން ނުކުމެ ނިދަން އެނދަާށް އަރާފަހުން، މި ވޭދުވެ ދިޔަ ދެތިން ރޭ ނިދަން އޮށޯންނަނީ ބެލް ގާތުގައި ތިއެނދުގަ، އެހެންނަމަވެސް ހޭލެވެނީ އަމިއްލަ އެނދުގައި އޮއްވަ، އަހަރެން އެގަޑީގަ ފެންވަރަންވީ ކީއްކުރަން، ހޫނުވިޔަސް ކޮންމެ ރެއަކު މަށެއްވެސް ދެން ފެނެއް ނުވަރާނެއެންނު، ބެލް… އައި އެމް ވެރީ ކޮންފިއުޒްޑް” ބަތީލު ތެދުވެ ހަމަޖެހިލީ ފިކުރުބޮޑުވެފައި އިން ގޮތަކަށެވެ.

“ސޯ ބައްތު ބުނަން ތިއުޅެނީ މީ އާދަޔާއި ހިލާފު ކަމެކޭތަ، އަހަންނަށްވެސް ހާދަ ބިރުވެރި ހުވަފެންތަކޭ ފެންނަނީ، އެނގޭތަ، މިންހާޖު އަބަދުހެން ފެންނަނީ، އަހަރެން ކީއްކުރަން މިންހާޖުގެ ހުވަފެނެއް ބަލަންވީކީ، އޭނާ ހުންނަނީވެސް ވަރަށް ނުބައި ސިފައެއްގަ، އަދި އެންމެ ފޫހިވަނީ އޭނާ އުޅެނީ އަހަރެންގެ ގައިގ އަތްލަންވެގެން، ކޮންމެ ރެއަކުހެން ކަހަލަ ގޮތަކަށް ހަމަ އެއް ހުވަފެނެއް، ބައްތު، އަހަންނަކަށްވެސް ނޭނގެ ކީއްވެކަމެއް މިހެން ވާންވީކީ، އަހަންނަށް ފެންނަންވީ ދިނާރެންނު، އެކަމަކު މިންހާޖު ފެންނަންވީ އަޅެ ކީއްވެތަ” ބަލްމާ އޭނާގެ ހިތުގައި އޮތް ސުވާލު ބަތީލާއި ހިއްސާކޮއްލިއެވެ.

“ދެން ނޭނގެ، ހަވީރުން ފުރަން ޖެހޭނެ، ރަށަށް އައިސްފަ އެހެން ކަމަކާ ދެން ވިސްނޭނީ، އޭނަ އެބަ ކިޔާ އަހަންނާއިއެކު އެކޮޅަށް ދާވާހަކަވެސް، މަންމައަކަށް ނޭނގޭނެ، އެކަމަކު އަހަރެން މިހާރު ބޭނުންވަނީ އޭނަ އާއިވެސް ކުޑަދުވަސްކޮޅަކު ދުރުގައި އުޅެލަން” ބަތީލު ބުނެލިއެވެ.

“ބައްތު ގުޅައްޗޭ އެރަށަށް ގޮސްފަ، ދެން ބުނަން، މަންމަ ބުނެއެންނު ކުރުސި ޖެހީމަކީ ރަނގަޅު ކަމެކޭ، އެހެންވީމަ ނިދާ ގަޑީގަ ކުރުސި ޖަހައިގެން ދެން ނިދާނީ، އަހަރެންވެސް ހިތަށް އަރަނީ ދިނާރަށް ކިޔާދޭންވީއޭ މި ފެންނަ ހުވަފެންތަކުގެ ވާހަކަ” ބަލްމާ ވިސްނާލާފައި އޭނާގެ ކޮއްކޮ ގާތު ބުނެލިއެވެ. ބަތީލު ބިރުން އުޅޭހެން ބަލްމާއަށްވެސް މިހާރު ހީވެއެވެ.

“ބަލްމާ، ބަތީލު، އާދެބަލަ އެތެރެއަށް” ދާރާގެ އަޑުއިވުނެވެ. ދެކުދިންވެސް ތަށިތަކުގައި ބާކީ ހުރި އެތިކޮޅު ކާލުމާއިއެކު ތަށިތަށް ހިފައިގެން ގޭތެރެއަށް ވަނުމަށް ދިޔައެވެ.

ބިންޏާ އާއި ބަލްމާ އާއި ދެކުދިންނާ ކަރާ ކަރު ޖައްސާ ދާރާ ސަލާމްކުރުމަށްފަހު ދޯންޏަށް އެރީ ވަރަށް ގިނަ ނަސޭހަތް ދެކުދިންނަށް ވަކިވަކިން ދީފައެވެ. ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ދާރާއަށް ގުޅަންވާނޭ ކަމަށް ވަޢުދު ކުރުވާފައެވެ. ދެކުދިންނާ ވަކިން ދާން ޖެހޭތީވެ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދާރާ އަށާއި އަންބަރަށް ލިބިފައިވިއެއް ކަމަކު ދޮށީ އަންހެން ދަރިފުޅު ބިންޏާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ހިތްހަމަ ޖައްސާލައިގެން ހުރެ ދޯންޏަށް އެރިއެވެ. ބަލްމާ އާއި ބަތީލުވެސް ތިބީ އެކަކު އަނެކަކާ ކުޑަ ދުވަސްކޮޅަކަށްވިޔަސް ވަކިވާތީ ދެރަވެފައެވެ.

ގެއަށް އައި މަގުމަތީ ބިންޏާ ކަންތައް ކުރާނެ ގޮތުގެ ތާވަލު ބަލްމާއަށް ކިޔާދިނެވެ. ދަންވަންދެން ގޭން ބޭރުގައި އުޅެގެން ނުވާނެ ކަމެވެ. މަންމަ ނެތުމާއިއެކު މިހާރު ހިނގާނީ އޭނާގެ އަމުރުކަން ބަލްމާއަށް ހަނދާންކޮއްދެމުން ދިޔައެވެ. ރޭގަނޑު ޑިއުޓީ އޮންނަ ރޭރޭ ގެއަށް އާދެވޭނެ އިރު ބިންޏާއަށް އެނގޭ ކަމާއި އެއަށްވުރެ ލަސްވެއްޖެނަމަ ގެއަށް ނުވައްދާނަން ކަމަށް އިންޒާރު ދިނެވެ. އަދި ހެނދުނު އޭނާ އާއިއެކު ބަލްމާވެސް ތެދުވަން ޖެހޭނެ ކަމާއި ގޭތެރޭގެ މަސައްކަތްތަކުގައި ބިންޏާއަށް އެހީވެ އުޅެން ޖެހޭނެ ކަމަށްވެސް ބުންޏެވެ. މިހުރިހާ ވާހަކައެއް ބިންޏާ ދެއްކި އިރުވެސް ބަލްމާ ބޯޖަހާލަ ޖަހާލަ ހުރެ އޭނާ އާއި އެއްވަރަށް ހިނގަމުން އައިސް ގެއަށް ވަނެވެ.

ދާރާމެން ތިބި ދޯނި ރަށާއި ކައިރި ކުރީ ފުރިތާ ދެގަޑިއިރު ފަހުންނެވެ. ރަށުގެ ބަނދަރުމަތީގައި އަންބަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށްވާ ޚަދީޖާ، އެމީހުން ބަލާ އައިސް ހުއްޓެވެ. ސާމާނުތައް ހިފައިގެން ރަށުތެރެއަށް ހިނގައިގަތުމާއިއެކު ޚަދީޖާ ދުރުގައި ހުރެފައި އެމީހުނަށް އަތުން ހަނާ އަޅާލިއެވެ. އެވަގުތު އެތަނަށް ކާސިމުވެސް އައިސް ގާތް ކޮއްލައިފިއެވެ. އަންބަރުގެ ބިން އޮންނަނީ ކާސިމާއި ހަވާލު ކޮއްފައެވެ. އެތަން ބަލަހައްޓަނީ މިހާރު ކާސިމުމެންގެ ދެމަފިރިންނެވެ.

“ބޭބެ އަންނަކަން އަހަރުމެންނަށް އަންގާވެސް ނުލާ، މިހިރަ ކާސިމާ ހެނދުނު ދިމާ ނުވިނަމަ ނުވެސް އެނގޭނެ، އަވަހަށް ހިނގާ ގޯއްޗަށް ދަމާ، މިފަހަރު ތިބެން ވާނީ އަހަރުމެންގެ ގޯތީގަ” ޚަދީޖާ އައިސް ދާރާގެ ގާތުގައި މަޑުކޮއްލަމުން ބުނެލިއެވެ. ދާރާއަށް ބަލާލެވުނީ އަންބަރަށެވެ. ދާރާ އާއި ޚަދީޖާގެ ގުޅުން އެހާ ރަނގަޅުނޫންވީމާ އެދެމެދުގައި ދުރުކަމެއް ހުއްޓެވެ. ނަމަވެސް އެކަން ދާރާ ނުދެއްކުމަށްޓަކައި ހިނިތުންވެލައިގެން ހުއްޓެވެ.

“އާން، މިފަހަރު މީ ހަމަ ކުއްލިއަކަށް ހަމަޖެހުނު ދަތުރެއް، އެހެންވެ އެކަކަށްވެސް އަންގާލާނެ ވަގުތު ނުވީ” އަންބަރު ވާހަކައިން ހަމަ ޖައްސާލިއެވެ. އަންބަރަށްވެސް ދާރާގެ ހިތްހަމަ ނުޖެހުން އެނގޭތީވެ ޚަދީޖާ އާއި މާގިނަ ވާހަކަ ދައްކާކަށް ގަސްދެއް ނުކުރިއެވެ.

“އެހެންވިޔަސް މިހާރު ތިއާދެވުނީ އަހަރުމެންގެ ފަސްގަނޑަށް، ހިނގާ އަހަރުމެންގެ ގޯއްޗަށް، މީތަ އައި ކުދިންނަކީ، މިހިރީ ހަގު މަންޖެ ދޯ، ހާދަ ބޮޑުވެއްޖެޔޭ ދޯ މި މަންޖެވެސް، މިހާރު ކިޔަވާ ނިމުނީތަ، ބޭބެވެސް މިހާ ކައިރީގައި އުޅޭ އިރު މިރަށަށް ޖައްސާލާވެސް ނުލާނެ” ޚަދީޖާގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ އޭނާގެ ބޭބެ އާއި ބައްދަލު ވުމުން އުފަލުން ހަދާނެގޮތެއް ނޭނގިގެން އުޅޭހެންނެވެ. އަންބަރުގެ އަތުގައި ހިފާލި ގޮތަށް ދޫވެސް ނުކުރިއެވެ.

“އަހަރުމެން ތިބޭނީ ކާސިމުމެން ގޭގަ، އެމީހުން ގާތު ކުރިން ބުނެވިފަ އޮތީވެސް، ނޫންތަ އަންބަރު” ދާރާ ބުނެލިއެވެ.

“އެއީ ތެދެއް، މިފަހަރު ތިބޭނީ ކާސިމުމެން ގޭގަ، ޚަދީޖާ މެންގޭގައި ދެން އެހެން ފަހަރަކުން ތިބޭގޮތަށް ހަދާނީ” އަންބަރު ހިނގައި ގަތީ ކާސިމުގެ ގާތަށެވެ.

މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ ޚަދީޖާ އެކަން ފޮރުވާލަމުން ހިނިތުންވެލާފައި އަންބަރުގެ ނިންމުން ޤަބޫލު ކުރިއެވެ. އަދި އެމީހުނާއިއެކު ކާސިމުމެންގެ ގެއާއި ހަމައަށް ދިޔައެވެ.

“ދެން ދަނީ، މިރޭ ކާންވާނީ އަހަރުމެންގެ ގެއިން” ޚަދީޖާގެ ޖުމްލަ ފުރިހަމަ ނުވަނިސް ދާރާ ވާހަކަދެއްކިއެވެ.

“މިރެއަކު ނޫން” ދާރާ ބުނެލިއެވެ.

“ނޫނޭ، އިތުރު އުޒުރެއް ޤަބޫލެއް ނުކުރާނަން، ބޭބެ އާއި ބޭބެގެ އަންހެނުންނާ ކުދިންގެ މިރޭގެ ކެއުން އޮންނާނީ އަހަރުމެން ގޯތީގައި، ކާސިމާ، މި މީހުންގެ މިރޭގެ ކެއުން އަހަރުމެންގެ ގޯއްޗަށް މިހެދީ، ދެން ދަނީ” ޚަދީޖާ އޭނާގެ ގޭދޮށަށް ދާން ހިނގައިގަތެވެ. ދިގުމަގުގައި ކާސިމު މެންގޭން ނުކުމެގެން ހަތަރު އަނގޮޅި ދޫކޮށް ކަނާތްފަރާތު ބުލޮކްގެ ކަންމައްޗަށް ހުންނަނީ ޚަދީޖާމެންގެ ގެއެވެ. އޭނާ ދިއުމާއިއެކު ކާސިމުގެ އަންހެނުން ދާރާ އާއި އޭނާގެ ކުދިން ގޭތެރެއަށް ވައްދާ އެމީހުންގެ ކޮޓަރި ދެއްކިއެވެ. އެގޭގައި އެދެމަފިރިންގެ އިތުރުން އުޅެނީ އެމީހުންގެ އަންހެން ދަރިފުޅާއި އޭނާގެ ފިރިމީހާއެވެ. އަދި އެމީހުންގެ ތިންމަހަށްދާ ތުއްތު ފުރިހެން ކުއްޖެކެވެ. މާފުރިހަމަ ނުވިޔަސް އާދައިގެ ގޮތަކަށް ހަދާފައިވާ ބޮޑު ގެއެކެވެ. ގޭގައި ހަތަރު ކޮޓަރި ހަދާފައި ހުރިއިރު އެތަނުން ދެކޮޓަރި ހުރީ އަންބަރާއި ދާރާމެންނަށް ތައްޔާރު ކޮއްދީފައެވެ. ކޮޓަރިތަކަށް ވަންއިރު ކޮންމެ ކޮޓަރި އެއްގައިވެސް ކުއީން ސައިޒުގެ އެނދާއި ރީތިވާ މޭޒު ބަހައްޓާފައި ހުއްޓެވެ. ތަޅުމުގައިވަނީ މަޑުކުލައެއްގެ މުށި ޖަހާލާފައެވެ. ފާރުތަކުން ހީވަނީ ކުލަލާ ނިންމީ ދެންމެ ހެނެވެ. އެހާވެސް ސާފުވެފައި ރީއްޗެވެ. ކޮޓަރީގައި ހުރި ކުޑަދޮރުގައިވަނީ ކޮޓަރީގެ ކުލަ އާއި ގުޅޭ ކަހަލަގެ ފަރުދާއެއް އަޅުވާފައެވެ.

“ދާރާ، ފެންވަރާލަން ބޭނުންތަ، ނޫނިއްޔާ ހިނގާ ސައިބޯން ދަމާ، އަހަރެން ސައި ތައްޔާރު ކޮއްފިން ކާސިމު، އަންބަރުގެމެންގެ ދޯނި ލަފައިފިއޭ ބުނިތަނާ” ހިނިއައިސްފައި ހުރެ ފާތުމަ ބުންޏެވެ.

“ފެންވަރާލައިގެން ދާނީ، ހެދުމާ މުޅި ގައިގަ ހީވަނީ ލޮނުވަސް ހިފާފަ ހުރިހެން، އަދި އަސުރު ނަމާދުވެސް ކޮއްލައިގެން ދާނީ” ދާރާ ބުންޏެވެ.

“އަހަރެން މިއުޅެނީ ބަދިގެ ފަރާތުގަ، ދާރާ ނަމާދުކޮއްލައިގެން، ކުދިންވެސް ސައިބޯން އަންނާނީ ދާރާ އާއިއެކު ދޯ” ފާތުމަ ބަދިގެ ފަރާތަށް ހިނގައިގަތެވެ. އޭރު ފޮށިތައް ބަހައްޓާލި ގޮތަށް އަންބަރު ހުރީ ކާސިމާއި އޮލަވާހަކައިގައެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ދާރާ ނުދީ ކޮޓަރިއަށް ވަނީ ބަތީލުވެސް ގޮވައިގެންނެވެ. ޖެހިގެން ކުރިމަތީގައި ހުރި ކޮޓަރިއަށްވަނީ މުނީބުގެ ދެމަފިރިންނެވެ.

“މަންމަ ފެންވަރާލައިގެން ނުކުންނަން ވާއިރަށް ދަރިފުޅު ލާނެ ހެދުމަށް ނަގާ ތައްޔާރު ކޮއްލާ، ކޮޓަރީގަ އިސްތިރިކުރާ ބޯޑުވެސް އެބަހުއްޓެންނު” ދާރާ ފެންވަރަން ވަންނަން ތައްޔާރުވެލިއެވެ. އާނއެކޭ ބުނި ބަތީލު ކޮޓަރީގެ އެނދު ކައިރިއަށް އޭނާގެ ދަބަސް ޖައްސާލުމާއިއެކު އެނދުގެ ފައިލާކޮޅުގައި އިށީނދެއްޖެއެވެ. އަދި ދަބަސް ހުޅުވުމުގެ ބަދަލުގައި ފޯނު ނަގާ އެންމެ ފުރަތަމަވެސް ގުޅާލީ މިންހާޖަށެވެ. އޭރު ދާރާ ތުވާއްޔާއި ފެންވަރާ ސާމާނު ހިފައިގެން ފާޚާނާއަށް ވަދެއްޖެއެވެ.

“ވަރަށް ފޫހި، ނަސީބަކުން މިގޭގަ ނޫޅޭ އެހާ މީހުންނެއް” ބަތީލު، މިންހާޖަށް ކިޔާދެމުންދިޔައެވެ. ފޯނު ބޭއްވީ ދާރާ ފާޚާނާއިން ނުކުތުމުންނެވެ.

ހަވީރުގެ ސައިތައްޔާރު ކޮއްފައިވަނީ ވަރަށް ފުރިހަމައަށެވެ. ފާތުމައަކީ މަސައްކަތްތެރި އަންހެނެއްކަން ސުފުރާމަތި ބަލާލުމުން އެނގޭހާވެއެވެ. ދާރާ އާއި އަންބަރު ކާސިމަށާއި އޭނާގެ އަންހެނުންނަށް ތަޢުރީފުކޮށް ޝުކުރުވެރިވިއެވެ. ސައިިބޮއެ އަވަދިވުމާއިއެކު އަންބަރު އަވަސްވެ ގަތީ އިރުއޮއްސުމުގެ ކުރިން ކާސިމާއިއެކު ގޮސް އޭނާގެ ބިމުގެ ހާލު ހުރިގޮތް ބަލާލުމަށެވެ. ދާރާ، ފާތުމަގެ ގާތުން ރަށުގެ އެކިއެކި ވާހަކަތައް އޮޅުން ފިލުވަމުން ދިޔައެވެ. ބަތީލު މަޑުމަޑުން އެތަނުން ނުކުމެގެން އައިސް ގޭގެ ދޮރޯށި ދޮށުގައި މަޑުކޮއްލައިގެން ހުއްޓެވެ. އޭނާ އާއި ބައިވެރި ވުމަށް މުނީބާއި ޒީނިޔާވެސް އަޒްކާ ގޮވައިގެން ނުކުތެވެ.

“ހިނގާ މިދިމާލަށް ހިނގާލަން ދަމާ” މުނީބު ޚިޔާލު ފާޅުކުރިއެވެ.

“ގެއްލިދާނެ” ޒީނިޔާ ބުނެލިއެވެ.

“ފޯނު މިއޮތީނު، ނުއެއްގެއްލޭނެ އިރާދަކުރެއްވިއްޔާ، ހިނގާބަލަ ދަމާ، މިހެން ކަމެއް ނެތިފަ ނުތިބެވޭނެ އެންނު، މިރަށްވެސް ބަލާލަން ޖެހޭނެ އެންނު، މަވެސް އަލަށޭ މިއައީ މިރަށަށް، ބައްތު ވަރަށް ކުޑައިރު މަންމަމެން އައި އޭނާ ގޮވައިގެން މިރަށަށް، ދޯ” މުނީބު ބުންޏެވެ.

“އެހެންވިޔަސް މަންމަ ގާތު ބުނެލާފަ ދާތަނަކަށް ދާންވާނީ” ޒީނިޔާ ލަފާދިނެވެ.

ބަދިގެ ފަރާތުގައި އޮތް ހުސްތަންކޮޅުގައި ގޮނޑިއެއް ބަހައްޓައިގެން ވާހަކައިގައި އިން ދާރާ އޭނާގެ ކުދިންނަށް ހުއްދަ ދިނެވެ. އެކަމަކު އެހާ ދުރަށް ނުދިއުމަށް ނަޞޭޙަތްތެރިވިއެވެ.

“ދާރާ، ޚަދީޖާ އެވަރަށް ކީމަވެސް ކީއްވެތަ އެގެއަށް ނުދިޔައީ، އަހަރުމެންގެ އެއްވެސް މައްސަލައެއް ނެތް ތިއެންމެން އެގޭގައި ތިއްބަސް، ޚަދީޖާއަކީ އަންބަރުގެ ކޮއްކޮވިއްޔަ، އަހަރުމެންނަށްވުރެ ގާތްވާނީ ޤައިމު އެމީހުނެންނު” ފާތުމަގެ ހިތުގައި ބާއްވައިގެން އުޅުނު ސުވާލު ދުލުން ބޭރުކޮއްލިއެވެ.

“ފާތުމަ، ވާހަކަދެއްކީ މީހުންނަށް އިވޭނީ އަޑު، ކަމުގެ ހަޤީޤަތެއް ނޭނގޭނެ ދޯ، އަންބަރު މިހާރުވެސް ދެޢާއިލާއަށް ޚަރަދު ކުރަމުންނޭ އެދަނީ ބުންޏަސް ދޮގަކަށް ނުވާނެ، ޚަދީޖާއަކީ ކޮއްކޮއަށްވާތީއޭ ކިޔާފަ އޭނާގެ ހުރިހާ ޚަރަދެއް އަންބަރަށް މިހާރު ބަލަހައްޓާކަށް ނުޖެހެ އެންނު، އަހަރުމެންވެސް މިއުޅެނީ ތިބުނާހާ ފުދިގެންނެއްނޫންވިއްޔަ، އިހަށްދުވަހު އަދި މަގޭ ހުރިހާ ކުދިން ބޮޑެތިވެފަ އެތިބީ، އަހަރެން ހިތަށް އަރަނީ ޚަދީޖާ އިނދެގެން އުޅޭ މީހަކީ ކީއްކުރާ މީހެއްބާއޭ، އޭނާ އާއި އޭނާގެ ކުދިން ނުބެލެންޏާ އެވަރުގެ މީހަކާ އިނދެގެން އުޅެނީ ކީއްކުރަންބާއޭ، ޚަދީޖާގެ ކުދިންގެ ސްކޫލު ބޫޓު، ކިޔަވަން ބޭނުން ކުރާ ފޮތްބައި، ޓެސްޓު ކައިރިވާއިރަށް އެކުދިން ހަދަން އެޖެހޭ ކޮންމެވެސް ޕޭޕަރުތަކަކަށް ދާންދެން ފޮނުވަން މިޖެހެނީ އަންބަރަށް، ނުވިތާކަށް އަދި އުޅެފިޔޭ އަހަރުމެންގެ ގެއަށް އެކުދިން ކިޔަވަން ބަހައްޓަން ފޮނުވަން، އަހަރުމެންގެ ގޭގަ އޮތީ ކޮންތަނެއް، ރަށުގައި އޭލެވެލް އާއި ހަމައަށް ކިޔަވާދޭތީ އޯ، މީ ދެން ތަންފުކެއް ބޮޑުވަރުހެން މަށަށް ހީވަނީ، މީހަކު ފަހަރެއްގަ އެއްޗެއް ނުލިބިގެން އުޅޭތަނުގަ އެއެއްޗެއް ހޯދަދޭން ބުނެފާނެ، އެކަމަކު މީ އެހެންތަ… އަހަރެން މިހާރު އަންބަރު ގާތު ނުވެސް އަހަން ޚަދީޖާ ފޮނުވަން ބުނީ ކޯއްޗެއް ތޯވެސް، އަންބަރުދެކެވެސް ރުޅި އާދެވެނީ އޭނާ އާއި ހެދި، ފާތުމައަށް އެނގޭތަ، އަހަރެންގެ ދަރިން ސްކޫލަށް ބޭނުންވާ އެއްޗެހި ނުހޯދިގެން އުޅުނަސް އަންބަރު އެބަ ޚަދީޖާގެ ކުދިން ބޭނުންވާ އެއްޗެހި ހޯދައިދޭ، އެންމެކުރިން އިސްވާން ޖެހޭނީ ތިމާގެ ދަރިއެންނު، މަށަކަށް ނޭނގެ އެ ޚަދީޖާ މަގޭ އަންބަރަށް ޖައްސާފަ ހުންނަނީ ކޮންކަހަލަ ޖާދޫއެއް ކަމެއް، ނަސީބެކޭ ހިތަށް އަރާ މަށާ އިނދެގެން އަންބަރު މަގޭ ރަށުގައި އުޅެން ނިންމިކަން، އަދި އެނގޭތަ، ޚަދީޖާ އަބަދު އަންބަރަށް ނަޞޭޙަތްދެނީ އަހަންނާ ކުދިންކޮޅު ގޮވައިގެން މިރަށަށް އަންނަން، ސިކުނޑި ހުރި މީހެއްވެއްޖެއްޔާ އެނގޭނެ ދޯ އަހަރެންގެ ރަށުގަކަން މައްޗަށް ކިޔެވެން އޮތީ، އަދި ވަޒީފާގެ ފުރުޞަތުތައްވެސް އޮތީ، އެހެނޭ ކިޔާފަ މިރަށް އައިސް ކީއްތަ ކުރާނީކީ، އެހެންނޫންނަމަ އޭނާގެ ދަރިންވެސް މިރަށުގަ އެންނު އުޅޭނީ، މިރަށުން ކިޔަވާދޭ ފެންވަރަށް ކިޔަވާލައިގެން ދެން ތިބޭނީ މިތަނުގައެންނު، އެކަމަކު އެހެނެއްނޫނެއްނު ކަންތައް އޮތީ، އަންބަރުގެ އަތުން ތަނެއް ކުއްޔަށް ހިފާފަ އަހަރުމެންގެ ރަށުގައި އޭނާގެ ކުދިން ކިޔަވަން ބެހެއްޓީ، އަހަރެންގެ ހަގު ދެމަންޖެއާ އެގޭ އޭރު ކިޔަވަން ފޮނުވާފައި ހުރި ދެމަންޖެއާ އެއްވަރު ވިއްޔަ، ފާތުމަ ބުނެބަލަ، މީ ބޮޑުވަރެއް ނޫންތަ” ދާރާގެ ހިތުގައިވާ ހުރިހާ އެއްޗެއް ބަންޑުން ކޮއްލި ކަހަލައެވެ.

“މަށަށްވެސް ކޮންމެވެސް ވަރަކަށް އެނގޭ، ޚަދީޖާއަކީ އެއްވެސް އުޅުމެއްނެތް އަންހެނެއްކަން، އޭނާގެ ފިރި އިބްރާޙިމަކީ މަސައްކަތެއް ކުރަން ކެރޭ މީހެއްނޫން، އެކަމަކުވެސް ޢާއިލީ ގުޅުންވީމަ ދޯ، އެއްބަނޑު އެއްބަފާކަން ކަނޑައެއް ނުލެވޭނެތާ، އެހެންވެ އަހަރެންވެސް އެހެންބުނީ” ފާތުމަ ބުންޏެވެ.

“ތީވެސް ތެދެއް، އެހެންވެތާ އަހަރެން މިހާރު މިހުންނަނީ އެއްވެސް އެއްޗެއް ނުބުނަން، އަންބަރުގެ ހުރި ހަމައެކަނި ކޮއްކޮވިއްޔަ، ގުޅިގެން އުޅެން މަސައްކަތްވެސް ކުރެވެނީވެސް އެހެންވެ، އެކަމަކު އެގޭގައި އުޅޭކަށް މަށެއް ނުދާނަން، ފާތުމަ ތީ އަންބަރާއި މާ ދުރުތާ ތިމާގެ މީހެއް، އެކަމަކު ފާތުމަ ގާތު މިގޭގައި ހުންނަން އަންބަރު ނިންމީވެސް ކޮންމެވެސް ސަބަބަކާ ހުރެކަން އަހަންނަށް ޔަގީން، އޭތް! ދެން އެވާހަކަ ބާއްވާ، އެހެންނޫނީ ދައްކާ ދައްކާ ކޮޅުން ނުލާނެ، ކޮބާތަ ޖީޝާން، އަދި ގޭތޭރޭން އެއްފަހަރުވެސް ނުފެނޭ” ދާރާ އަހާލިއެވެ.

“ކުޑަސޮރު ގޮވައިގެން، ފައިޒާން މެންގެއަށް ގޮސްވީ، އެގޭ އެމީހުންގެ ކާފަގެ ފާތިހާވީމަ، މަވެސް އެކަމުގަ އުޅެފަ ގެއަށް އައީ މެންދުރުވީފަހުން” ފާތުމަ ބުންޏެވެ.

އިރުއޮއްސުުނު އިރު ހުރިހާ ކުދިން ތިބީ ގޭގައެވެ. ދާރާ އިޝާނަމާދަށް އަރާ ހުރިއިރު އެނދުގެ ހެޑުބޯޑުގައި ޖެހިލައިގެން ފޯނު އަތަށް ލައިގެން ބަތީލު އިނެވެ. އޭނާ ފޯނުން މެސެޖު ކުރަމުން ދިޔައި ބަލްމާއަށެވެ. ބަލްމާ ޝަކުވާ ކުރަމުން ދިޔައީ ބިންޏާގެ ވާހަކައެވެ. ދެކުދިންގެ ކަމަކީވެސް އެއީއެވެ. ބަލްމާ އެއްޗެއް ބުނާއިރަށް ބަތީލު އެއްބަސްވެއެވެ. ދާރާ ނަމާދުން ފޭބީވެސް ބަތީލު އެސަކަރާތެއްގައި އުޅެނިކޮށެވެ.

“ދަރިފުޅު ބަލްމާއަށް ގުޅާލައިފިންތަ، ކޮބާތަ މަންމަގެ ފޯނު، ދަބަހަށް ލީގޮތަށް ދަބަހުގަ ދޯ އަދިވެސް” ދާރާ އޮޅާލި މުއްސަލަ ނަގަމުން ބަތީލުގެ ގާތުގައި އަހާލިއެވެ.

“އެއޮތީ އަޔަނިން ޓޭބަލް މަތީ ޗާރޖަށް ޖަހާދީފަ، ދޮންތަގެ ހިޓްލަރުކަމުން ބެލް އެބައުޅޭ” ބަތީލު ބުނެލިއެވެ.

“ހެ ހެ ހެ… އެހެންތަ، މަންމަ މިއުޅެނީ އެދެކުދިންނަށް ގުޅާލަންވެގެންނޭ” ދާރާ ވަރަށް ހިނިއައިސްފައި ބުނެލިއެވެ. އޭނާއަށް ބިންޏާގެ ގޮތްވެސް އަދި ބަލްމާގެ ގޮތްވެސް އެނގޭވިއްޔާއެވެ. އެދެކުދިން ނުގުޅޭވަރެވެ. އެހެންނަމަވެސް އެދެބެންގެ މެދުގައިވެސް އެއްބަނޑު އެއްބަފާ ކަމުގެ ކުލުނު ހުންނާނެކަން ދާރާ ޔަގީން ކުރެއެވެ.

“ހެލޯ، ބިންޏާ، ދަރިފުޅު ކީއްކުރަނީ މިގަޑީގަ، މިރަށަށް އާދެވުނު ވާހަކަ ބުނެލަންވެގެން މަންމަ ހަމަ ދަރިފުޅަށް މިގުޅާލީ، މިހާރު މިތިބީ ކާސިމުމެން ގޭގަ، ދަރިފުޅާ…” ދާރާ، ބިންޏާ އާއި ފޯނުން ވާހަކަ ދައްކަމުން އައިސް އެނދުގައި އިށީނެވެ. ބަލްމާ އާއި ދެކުދިން ޒުވާބުނުކޮށް ސުލްޙަވެރިކަމާއިއެކު ކަންތައްތައް ނިންމަން އިސްކަން ދިނުމަށް ނަޞޭޙަތްތެރި ވަމުންދިޔައެވެ. ބިންޏާ އާއި ވާހަކަ ދައްކާ ނިމުމުން ދެން ގުޅީ ބަލްމާ އަށެވެ. ބިންޏާ އެކޭ އެއްގޮތަށް ދާރާ، ބަލްމާއަށްވެސް ވަރަށް ނަޞޭޙަތްދިނެވެ.

ރޭގަނޑުގެ ކެއުން ޚަދީޖާ މެންގެ ގޭން ނިންމާލާފައި މުނީބުގެ ދެމަފިރިން އެނބުރި އެމީހުން ތިބޭ ގެއަށް އައިސް އެމީހުންގެ ކޮޓަރިއަށް ވަނެވެ. އަޒްކާ ނުނިދައިގެން އުޅޭތީ އެކުއްޖާ ނިދާތޯ ބަލާށެވެ. ބަތީލު ފޫހި ކަމާއިއެކު އައިސް ގޭގެ ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީނދެލައިގެން އިނދެ އޭނާގެ ފޯނާ ކުޅެމުންދިޔައެވެ. އޭރު ކާސިމުގެ ދެމަފިރިންނާއި އަންބަރާއި ދާރާ ވާހަކަދައްކަން އެތަނުގައި އިނެވެ. ބަތީލު ވަކިން ފޫހިވީ އެގާރަވެސް ނުޖަހަނިސް ނިދަން ވަންނަން ޖެހުނީމައެވެ. ދާރާ އާއިއެކު ބޮޑު އެނދުގައި ބަތީލު އޮތް އިރު ދާރާ އޮތް ފަރާތުގެ ތިރީގައި އިތުރު ގޮދަޑިއެއް އަޅާލައިގެން އަންބަރު ނިދަން އޮތެވެ. ރަށުގައި ހޭދަކުރާ ފުރަތަމަ ރޭހެން ހީވެ ނުނިދިގެން އުޅުނީ ބަތީލެވެ. ގިނައިރުތަކެއް ނުވަނިސް ދާރާ އާއި އަންބަރު ނިދިއްޖެއެވެ. ކޮޓަރީގައި ހުރި ފަނޑު އަލީގެ ސަބަބުންވެސް ބަތީލަށް ބަޔާންކުރަން ދަތި ނުތަނަވަސްކަމެއް ލިބެމުންދިޔައެވެ. އެހެންނަމަވެސް އަމިއްލަ ޒަމީރަށް ވިސްނާ ދެމުން ދިޔައީ މުޅިން ތަފާތު މާޙައުލަކަށް އާދެވުމުން އޭނާއަށް ކުރިމަތިވަމުން އަންނަ ކަންތައްތަކަށް ހުއްޓުމެއް އަތުވެދާނެ ކަމަށެވެ. ވީވެސް އެހެންނެވެ.

ފަތިސް ނަމާދަށް ދާރާ އަރާ އިންދާ އެނދުގައި ފުރޮޅިލި ބަތީލަށް އޭނާގެ މަންމަ ފެނުނެވެ. އަވަސް އަވަހަށް ދެން ބަލާލެވުނީ އޭނާ ލައިގެން ހުރި އެއްޗެއްސަށެވެ. އެއްވެސް ބަދަލެއް ނާދެއެވެ. ރޭގައި ނިދުނު ގޮތަށް އޭނާއަށް އަދި އެ ހޭލެވުނީކަން ޔަގީންވިއެވެ. ލައިގެން އޮތީ ރޭގައި ނިދަން އޮށޯންނަން ވެގެން ލީ ޓީޝާޓާއި ހަރުވާޅެވެ. ގައިގެ އެއްވެސް ތަނެއް ތެމިފައެއްވެސް ނުވެއެވެ. އަދި އެއްވެސް ތަނެއްގައި ނުވެސް ރިއްސައެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ބަތީލު ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދާލާފައި އަނެއްކާވެސް ދެލޯ މަރާލީ އަރާމުކޮށް ނިދާލުމަށެވެ.

“މީދެން ކިހާ ވަރުގަދަ ވެއްޖެ ކަމެއް، މިންހާޖު، މިންހާޖު، މިންހާޖު… މަށާ މިންހާޖާއި އޮތީ ކޮންކަމެއްތަ، އަބަދު އޭނާ ހުވަފެނުން ފެންނަންވީ ކީއްވެތަ، ނުވިތާކަށް އޭނާ ގޮވާ އަޑުވެސް އިވެނީ، ރޭގަވެސް އަހަރެން ދިޔައީ ސިއްސައިގެން، ހަމަ ރަނގަޅަށް އިވުނު، އެއީ އެ މިންހާޖު ގަނޑުގެ އަޑު، އޭނާ ކޮން ސަކަރާތެއްތަ އެޖަހަނީ، އަދި މިހާރު މަންމަމެންނާ ބައްތުވެސް ނެތްކަން އެނގޭތީ ކަންނޭގެ، އަހަރެން އެކަނި އޮންނާތީ ބިރުގަންނުވަން ކުރާ ކަމެއްހެން ހީވަނީ” ހެނދުނު ހެނދުނާ ބަލްމާ ވާހަކަ ދައްކަމުން ދިޔައީ ދިނާރާއެވެ. އޭނާގެ މޫޑު ހުރީ ވަރަށް ގޯސްވެފައެވެ. ރޭގައި އޭނާއަށް ހަމަ ނިދި ނުލިބޭކަން ގައިމެވެ.

“އަހަރެން މިންހާޖާ ވާހަކަ ދައްކާނަން، ބެލް ރުޅި ނާދެބަލަ، ސައިބޮއެފިންތަ، އަހަރެން ބްރޭކް ގަޑީގަ އަންނަންތަ ބެލް ގޮވައިގެން ސަޔަށް ދާން، އޭރުން ކަންނޭގެ ބެލްއަށް ހަމަޖެހެވޭނީ” ދިނާރު މަޑުމައިތިރި ކަމާއިއެކު ބުންޏެވެ. އޭނާވެސް މިހާރުވަނީ ބަލްމާއަށް މިންހާޖުގެ އުނދަގޫތައް ފޯރާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކު ހައްތަހާވެސް ކަންތައްތައް މާގޯސް ނުކުރަން މަޑުކޮއްލައިގެން ހުންނަނީ މިންހާޖަކީ ބަލްމާގެ ކޮއްކޮ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވާތީއެވެ.

“ނޫން، ދިނާރު އަންނާނެ ކަމެއްނެތް، ދޮންތަގެ ގޮތް އެނގެއެންނު، އަދި އަމުދުން މިހާރު މަންމަ ނެތީމަ އޭނާގެ ހިޓުލަރުކަން ދައްކާލާނެ، މަށެއްވެސް ބޭނުމެއްނޫން އޭނާ އާއި ޒުވާބު ކުރާކަށް، ގޭން ބޭރަށް ނުކުމެއްޖެއްޔާ އޭނާއަށް އެނގޭނެ، އޭނަ ހޮސްޕިޓަލަށް ދާއިރަކުން އަހަރުމެން މީޓު ކުރާނީ، އޭރުން އެންމެ ބޮލަށް ފަސޭހަވާނީ” ބަލްމާ ބުންޏެވެ.

މިންހާޖައި ދިނާރު ދިމާވީ ރަށު ސްކޫލަށް ދިނާރަށް ދާން ޖެހުމުންނެވެ. ކައުންސިލް އިދާރާގެ މެންބަރެއްގެ ގޮތުން ސްކޫލުގެ ޓީޗަރުންގެ ޝަކުވާތަކެއް ހުށަހަޅާފައިވާތީ އެކަމުގެ އަޑުއެހުމުމުގެ ބައްދަލުވުމަކަށް އޮފީހުގެ އިސްވެރިން ދިޔައިރު އެމީހުންގެ ތެރޭގައި ދިނާރުވެސް ހުރީއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް، މަޑޭއަށް ވަގުތެއް ވާނީ ކޮންއިރަކުން” ދިނާރު، މިންހާޖާއި ވަރަށް ގާތްވެލާފައި މަޑުމަޑުން ބުނެލިއެވެ.

“މެންދުރު ބްރޭކް ގަޑި ކިހިނެއްވާނީ” މިންހާޖު ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“ރަނގަޅުވާނެ، އަހަންނަށް ގުޅާލާ، އޭރުން އަންނާނަން” ދިނާރު ހިނިތުންވެލުމެއްނެތި ބުނަން ބޭނުންވި އެއްޗެއް ބުނެލުމަށްފަހު މިންހާޖާއި ދުރަށް ހިނގައިގަނެއްޖެއެވެ.

“އާދެބަލަ” ދާރާ ގޮވާލުމުން ބަދިގެ ފަރާތުގައި އޮތް ހުސްތަނުގައި ބަހައްޓާފައި ހުރި ގޮނޑިން ތެދުވެގެން ބަތީލު އައިސް ބަދިގެއަށް ވަނެވެ.

“ކާންވީނު ކޮންމެވެސް އެއްޗެއް، ދޮންބެމެން އެބަ އުޅޭ މޫދަށް ދާންވެގެން، ދާންވީނު އެމީހުނާއިއެކު، ޚަދީޖާ މެންގޭ އޮންނަ ކުޑަދޯނީގައި މިތާ ކައިރި ފަޅު ރަށެއް ބަލާލަން ދާވާހަކަ ބައްޕަ ދެއްކި” ދާރާ ބުންޏެވެ. ބަތީލު ތެދުވެގެން އައީ މެންދުރުވަނިކޮށް ކަމަށްވާތީ ބޭރުގެއެއްގައި ބަދިގެއަށްވަދެ ކާއެއްޗެހި އަޅައިގެން ކާންފައްޓަން ބަތީލަށް ނުކެރޭނެކަން ދާރާއަށް އެނގެއެވެ. އެހެންވެ ދަރިފުޅަށް ކާއެއްޗެއް ދިނުމަށް އޭނާ އަވަސްވެގަތީއެވެ. ރޮށި ހުރެއްޖެނަމަ ބަތީލު ބަތް ނުކާކަން އެނގޭތީ، ދާރާ ކާމޭޒުމަތީ ހުރި ރޮށިތަށީގެ މަތި ނަގާ ބަތީލުގެ ގާތަށް ކައިރިކޮއްލަ ދިނެވެ. އެހުރިހާ އިރުވެސް ބަތީލު އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ.

“ރަނގަޅަށް ނުނިދުނު ދޯ ރޭގަ” ބަދިގޭގައި ދާރާ އާއިއެކު އުޅުނު ފާތުމަ ބަތީލަށް ބުނެލިއެވެ. ބަތީލު ލުއިލުއި ގޮތަށް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި ކާންތައްޔާރުވިއެވެ.

“ބައްޕަ ކޮބާ؟ އެންމެން ކެއީތަ” ބަތީލު، ގާތުގައި ހުރި ދާރާ އާއި ސުވާލު ކޮއްލިއެވެ.

“ބައްޕަ އެއުޅެނީ ދެފައި އެއްތާކު ނުޖަހާ، ކާސިމާއިއެކު ފަތިސް ނަމާދަށް ދިޔަ މީހާ ގެއަށް އައިރުވެސް އަށެއްޖަހައިފި، މެންދުރު ނަމާދުން އަންނަން ވާއިރަށް ކާން މިހަދަނީ، މުނީބު ނަމާދުން އެއީ ދާދި ދެންމެއަކު، އެކަމަކު ނޭނގެ އެދެމީހުން ގެއާއި ހަމައަށް ލައްވާލާނީ ކޮންއިރަކުން ކަމެއް، ދޯ ފާތުމާ” ދާރާ ބުނެލިއެވެ.

ބަތީލަށް ދުވަސް ދިގުވެފައި ފޫހިކަން ބޮޑެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއި ލޯބިވެރިޔާ އާއި ރައްޓެހިންނާއި ދުރުގައި ހުންނަން ޖެހުމުން އަދި ވަކިން ބަތީލު ހުރީ މާޔޫސްވެފައެވެ. އަބަދުހެން ކަހަލަ ގޮތަކަށް ބަތީލު ބޭނުންވަނީ މިންހާޖަށް ގުޅައިގެން ފޯނުގައި ހުންނާށެވެ. އެކަމަކު އެހެންވާނި ކިހިނެއްހެއްޔެވެ. މިންހާޖަށް ވަގުތު ވާވަރަކުން ބަތީލަށް ގުޅައެވެ. އެކަމަކު އެވަރު ބަތީލަށް މަދުވަނީއެވެ.

ދުރުގައި ޖަހާފައި ހުރި ހޮޅިބުރި ތަކުން މަގުތަކަށް މާބޮޑު އަލިކަމެއް އެޅިފައެއްނެތެވެ. ނުވިތާކަށް ބައެއް ކުދި މަގުތަކުގައި އެއްވެސް ވަރަކަށް އަލިކަމެއް ނުހުރެއެވެ. އަޒްކާ ނިންދަވާފައި ޒީނިޔާ ކޮޓަރިން ނުކުން ވަގުތު އޭނާގެ ގާތުގައި ކިޔައިގެން ބަތީލު ނުކުތީ ކުޑަކޮށް ރަށުތެރޭ ހިނގާލާށެވެ. މުނީބުގެ ދެމަފިރިންނަށްވުރެ ކުރީގައި ހުރެގެން މަޖާ ވާހަކަތައް ދައްކަމުން ގޭގޭ ފާރުތައްމަތިން މަގަށް އެލިފައި ހުރި ގަސްގަހުގެ ފަތްތަކަށް ދަމަމުން ބަލްމާ ދިޔައެވެ.

“ބައްތޫ، އަހަރުމެންނާ އެއްވަރަށް ހިނގާބަލަ، މާކުރިން ތިދަނީ ކޮންތާކަށް ވަންނަންތަ، މީ ރޭގަނޑޭ، ގަސްތައްވެސް ތިބޭނީ ނިދާފައެންނު، އެހެންނޫނަސް ރޭގަނޑު ނުވާނެ ތިގޮތަށް ގަސްތަކާ ކުޅޭކަށް، މުނީބު ބަލާބަލަ، އަޅެ އިދަޔައީ އެގަހުގަ އިން މާވެސް އުފުރާލާފައޭ” ޒީނިޔާ، ބަތީލުގެ ހަރަކާތްތައް ހުރި ގޮތުން ކަންބޮޑުވިއެވެ.

“އާން، އާން ބައްތޫ، ތިހެން އުޅޭ، ރޭގަނޑު ތިހެން އުޅެނިކޮށޭ ޖިންނި އަވަލަނީވެސް، ތިހެން އުޅެނިކޮށް ނޭނގޭނެ އޭގެ އެއްޗަކާ ދިމާވިޔަސް” މުނީބު ބޭނުންވީ ބަތީލު ކުޑަކޮށް ބިރުގަންނުވާލައިގެން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް ގެންނާށެވެ.

“ދެން ދޮންބޭ، ނުވާނެ އެއްވެސް ކަމެއް، މާކުރި ޒަމާނުގެ ކަމެއް އެއީ ޖިންނި އަވަލުމަކީ” ހީނގަންނަމުން ބަތީލު ބުނެލިއެވެ.

“ދެން މައްސަލައެއްނެތޭ، ހިނގާ އެއްކަލަ ދިގު މަގުގެ ކޮޅުގައި ހުންނަ ކެފޭއަށް ދަމާ، ކޮފީއެއް ބޯލަން” މުނީބު ޚިޔާލު ދިނެވެ.

“ވަރަށް ރަނގަޅު އައިޑިއާއެއް” ބަތީލު ފަސްއެނބުރި އަވަސް އަވަހަށް ބުނެލިއެވެ. އަދި އެރަށުގެ ފުލުސް އޮފީސް ކަންމަތިން ބަތީލު ލަނބާލިއިރު މުނީބުމެން ތިބީ ފަސްވަރަކަށް ފިޔަވަޅު ފަހަތުގައެވެ. ފުލުސް އޮފީހުގެ ވަށާފާރަކީ ތިރި ފާރެއްކަމަށްވަތީ ފާރު ކައިރީ ހުރީ ކުދި ފަތްތަކެއް ލާފައި ހުރި ގަސްތަކެއް އިންދާފައެވެ. ދޭތެރެތަކުން ބައެއް މާގަސްތައްވެސް ފެނެއެވެ. ބަތީލު ޚިޔާލެއް ފިކުރެއްނެތި ގަހުގެ ފަތްކޯންޏަކަށް ދަމައިގަތެވެ. އެވަގުތު ކުއްލިއަކަށް ބިރުން ތެޅިގަނެވުނެވެ. ފަތްތަކުގެ ތެރެއިން އޭނާއަށް ބަލަހައްޓައިގެން އޮތީ ކަޅު ބުޅަލެކެވެ. ދެލޮލުގެ ބަދަލުގައި ހީވަނީ ރަތް އަނގުރު ގަނޑެއް ފެނުނު ހެންނެވެ. ފަހަތަށް އަޅާލި ފިޔަވަޅާއިއެކު އަވަސް އަވަހަށް މުނީބުމެންގެ ގާތަށް ދެވުނެވެ.

“ކިހިނެއްވީ” ބަތީލު އައި ގޮތުން ޒީނިޔާއަށް އަހާލެވުނެވެ.

“ކަމެއް ނުވޭ” ހިންދިރުވާލަމުން ބަތީލު ބުނެލިއެވެ.

“ކަމެއްނުވާތީ އައި ގޮތަކަށް ނޫން ބައްތު ތިޔައީ، ބުނެބަލަ، ކިހިނެއްތަވީ” މުނީބުގެ ދާދި ގާތުގައި ހުރި ބަތީލަށް ފަރުވާވެ ބަލާލަމުން އެހިއެވެ.

ފުލުސް އޮފީހުން ނެއްޓި އެމީހުން ދާން ބޭނުންވި ކެފޭ ހުރި މަގަށް އެޅުމުން އަނެއްކާވެސް މުނީބު ސުވާލު ކުރިއެވެ. އޭރު ބަތީލު ހުރީ މުނީބާއި ޒީނިޔާގެ މެދުގައެވެ. އުޅޭ ގޮތުން ހީވަނީ ބިރުން އުޅޭ ހެންނެވެ. ޒީނިޔާވެސް ކަންބޮޑުވާގޮތްވިއެވެ.

“އެގަހުން ފަތްކޮޅެއް ނައްޓާލަން ހިފާލި ތަނާ ގަސްތަކު ތެރޭ އޮތީ ބޮޑު ބުޅަލެއް، އެހާ ކައިރީގައި އޮތްއިރުވެސް މަށަށް ކުރިން ނުފެނުނީމަ ހައިރާންވީ، އޭގެ ދެލޯ ހުރީ ބިރުވެރި ގޮތަކަށް، ރަތް ރަތްކޮށް ހުރީ، އާދައިގެ ބުޅަލަކަށްވުރެ ބޮޑުވީމަ އަވަހަށް ދޮންބެމެންގެ ގާތަށް އައީ” ބަތީލު ކިޔާދިނެވެ.

“ކޮބާ ހީވޭ ކަމެއްހެން، އޭރުވެސް ބުނީމެންނު ގަސްގަހާ އެއްޗިއްސާ ރޭގަނޑު ނުކުޅޭށޭ” ޒީނިޔާ ހުރެފައި ބުންޏެވެ. އޭނާވެސް ބަތީލުގެ ވާހަކައިން ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ.

“ރޭގަނޑު ބުޅާ އެއްޗެހީގެ ލޯ ހުންނާނީ ދިއްލިފަ، އަނެއްކާ ގަސްގަހަށް އެސޮރުމެންވެސް އަރާ ތިބޭނެ، ރަށްރަށުގައި އުޅޭ ބުޅާ އެހާ ވަގެއް ނުވާނެ، އެހެންނު ވާނީ ގޭގެއިން ކާންދޭނެ ވިއްޔަ، އެހެންވެ ކަންނޭގެ ބައްތު ގަހުގައި އަތްލުމުންވެސް ދުއްވައިނުގަނެ އެސޮރު އޮތީ، ދެން ކިތަންމެ ކުޑަކުޑަ އަލިކަމެއް ހުއްޓަސް އެ އެއްޗެހީގެ ލޯ ފެންނާނީ ދިއްލިފައި ހުންނަ ގޮތަކަށްވިއްޔަ، ބައްތޫ، ދެން އެހެން ނޫޅެއްޗޭ، މަގުމަތީ ހިނގަންވާނީވެސް ވަކި އުސޫލެއްގެ މަތިން، އެމީހަކު ހިތުހުރިހާ ގޮތަކަށް ނޫން، ބަޔަކާއި އެކު ދާނަމަ، އެމީހުނާ އެއްވަރަށްދާން އާދަކުރަންވާނެ، އެއީ ރީތި އާދައެއް، ދެން އެކުން އެވީ ކަންތަކާމެދު ނުވިސްނާ، އެވާނީ ދޮންބެ މިކިޔާދިން ގޮތަށް ވީ ކަމެއްކަމަށް” މުނީބު ބޭނުންވީ ބަތީލާއި ޒީނިޔާގެ ހިތުން ބިރުވެރިކަން ފިލުވާލުމަށެވެ.

“ނޭނގެ، އަދި އޭނާ ސެޓު ކުރާހިތްވަނީ، މީނަވެސް މީ ގަދަކޮއްފައި މަށާ ރައްޓެހި ނުވާން ހުރި މީހެކޭ، މިހާރު އެހެރީ، ކިހާވަރެއް ދައްކާލާފަ އެބަހުރި، އެގޮތަށް އެމަންޖެއަށްވެސް ޖެހޭނީ އަހަންނާ ރައްޓެހިވާން، ނިމޭނީ އެހިސާބުން، ޖެހިޖެހިގެން ހުރި ދެވަޅުގެ ފެންވެސް މީރުތޯ ބަލާލާފަ ނޫނީ ކީއްކުރަން ދުރަށް ދާންވީ، އަޅެ ނޫންތަ އާސިފު” މިންހާޖު އެގޭ ޖޯލީގައި އޮވެ ރަޙުމަތްތެރިޔާ އާއި ވާހަކަ ދެއްކިއެވެ.

“ތިކަމަށް އެއްޗެއް ބުނާކަށް އަހަންނެއް ނެތިން، މިހާރު ބުނެފިން ދޯ ތީ އަހަރެން އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނޭ، ތިކަން ހުއްޓާލާށޭ، ކިހާ ބޮޑު ދެރައެއް ތި ދެވެނީ، އެކަމާ މިންހާޖު އެއްފަހަރުވެސް ވިސްނާ ނުލަންތަ، މަށެއް ދެން ނުދާނަން އެގެއަކަށް މިންހާޖާއި އެކު ތިއެއްޗެއް ނަގާކަށް، އެހެންނޫނަސް ކީއްވެ ކަލޭ އެހެން އުޅެންވީ، އަންހެނުން ހުސްވީކީ ނޫންވިއްޔަ، މިންހާޖަކީ ބަލާލަން ރީތި މީހެއް، އަންހެން ކުދިން އަމިއްލައަށްވެސް އެބަ ސަލާމް ފޮނުވާ، ދެން ތީ ކޮން ސަކަރާތެއް” އާސިފު ބުންޏެވެ.

“ދެރައެއް ދޭކަށް ނޫޅެމޭ، ވަޒީފާވެސް ހޯދާ މިދިނީ އަހަރެންނު، އާސިފަކީ މަގޭ ރަޙުމަތްތެރިއެއް ވީމަ، މަގޭ ފަރާތުން ފަހިވާ ކޮންމެ ކަމަކީ ހަމަ އަހަރެން ކޮއްދޭ ކަމަކަށްތާ ވާނީ، އަސްލު އަހަރެން މި މަންޖެއާ ރައްޓެހިވީ ވަރަށް ގަޔާވެގެން، މިހާރުވެސް ބޭނުން ގޮވައިގެން އުޅެން، އެކަމަކު މި ނޫންގޮތަކަށް ނޫނީ ނެތޭ އޭނާ ސެޓުވާކަށް، އަހަރެންދެކެ މާފޫއްސެކޯވަނީ، ކިތަންމެ ބައިވަރު އަންހެން ކުދިންނެއް ތިއްބެއް ކަމަކު އަހަރެންވެސް ގަޔާވާ ކުއްޖަކާތާ ގުޅެވޭނީ” މިންހާޖު ބުންޏެވެ.

“އެހެންނޭ ކިޔާފަ ކަންތައް ކުރަންވާނީ ތިހެންތަ، ގަދަކަމުން ލޯބި ހޯދުމަކީ ފިނޑީންގެ ހަރަކާތެއް، އަހަންނަށް ޤަބޫލެއް ނުކުރެވޭނެ، ވަޒީފާ ހޯދާ ދިނުމާއި މެދު މަވެސް އެއްޗެއް ނުބުނަން ދޯ، އެއީ ކޮއްދިން ހެޔޮ ކަމެއްކަން އަހަރެންވެސް ޤަބޫލު ކުރަން، އެކަމަކު ދެން ކުރާ އެހެން ކަންތައްތަކަކީ އަންހެން ކުއްޖެއްގެ ލޯބި ހޯދަން ވިޔަސް ކޮއްގެން ނުވާނެ ކަންތައްތައް” އާސިފު އަދިވެސް ހުރީ ހިތް ހަމަނުޖެހިފައެވެ.

ކޮފީ ޖޯޑު ތުނބުގައި ޖަހާލާފައި ނައްޓާލި ބަތީލު މަޑުމަޑުން އިންނަން ފެށުމުން މުނީބު ހީކުރީ އަދިވެސް މިރޭ ވެގެން ދިޔަ ކަންތަކާއިމެދު ބަތީލު ވިސްނަނީ ކަމުގައެވެ. އެހެންވެ ސަމާސާ ކޮއްލުމުގެ ގޮތުން ބައްތީލާއި ވާހަކަ ދައްކަން ފެށިއެވެ. އެތަނުން އެނބުރި ގެއަށް އަންނަން ޖެހުނީ ދާރާ، މުނީބަށް ގުޅީމައެވެ.

* * * *

މުޅިން އާދުވަހަކަށް ދުނިޔެ މަތި އަލިކޮއްލީ ކާޅާ ކޮވެލީގެ ވާދަވެރި ގޮވުންތަކާއި އެކުއެވެ. ފާތުމަ ގޭ ދޮރުމަތި ކުނިކަހަން ނުކުތުމާއިއެކު އޭނާ އާއިއެކު ދާރާވެސް ނުކުމެ ހުއްޓެވެ. އެވަގުތު ދުރުން ހިނގަމުން އެމީހުނާއި ދިމާލަށް އަންނަ ޚަދީޖާ، ދާރާގެ ލޮލުގައި އަޅައިގަތެވެ.

“ކޮބާތަ ބޭބެ؟ ހަސަނު އެބަ ހޯދާ، ރޭގައި މަހަށްދާން ބުނެފައި ޚަބަރެއް ނުވެގެން މިއައީ، ފަހަރި ދައިތާ، އަހަރުމެން ގޯއްޗަށް ސައިބޯން ދާންވީނު، ކޮބާތަ ކުދިން، އެމީހުން އަދި ނުހޭލާ ދޯ، ހުންނާނެ ވަރަށް މީރުކޮށް ތޮރާގަ ރިހަ ކައްކާލާފަ، ބޭބެ ބުނި މިހާރު މާކުޅި އެއްޗެއްސެއް ނުކެވެޔޭ، ވަރަށް ބަލައިގެންނޭ އުޅެނީވެސް” ޚަދީޖާ އައިސް ދާރާމެން ގާތުގައި މަޑުކޮއްލަމުން، ލައިގެން ހުރި ދިގު ހެދުމުގެ ބޯވަޅު ރަނގަޅު ކޮއްލާފައި ބުންޏެވެ.

“މިގޭ ކާސިމާއެކު ފަތިސް ނަމާދަށް ދިޔަ ގޮތަށް އަދި ނާދޭ، ހީވަނީ ރަށުތެރޭ ހިނގާލާފަހެން ދެމީހުން އަންނާނީ، އަހަރެން ހެނދުނު ސައިބޮނީ ވަރަށް ލަސްވާފަހުން، ބޭބެ އައީމަ ފޮނުވާނަން ތިގޭ ދޮށަށް، ކުދިން މިހާ ހެނދުނާ ކޮޓަރިން ނުކުމެއެއް ނޫޅޭނެ” ދާރާ ހިނިއައިސްފައި މިހެން ބުންޏަސް އޭނާގެ އަޑުގައި އެއްވެސް ގާތްކަމެއް ނެތެވެ.

“މިހާރު ހުރިހާ ކުދިންވެސް އެތިބީ ކިޔާވާ ނިމިފަ ދޯ، އަހަރުމެންގޭ ދެބެންނާއިއެކު ދޯ ހަނގު ދެބެން އެނިމުނީ، ބޭބެ ބުނި، ފިރިހެން ސޮރު އުޅެނީ މާލޭ ކުއްޖަކާ އިނދެގެން، މާލޭގައޭ، ތެދެއް ހަނގު ދެބެން އަދިވެސް ވަޒީފާއަކަށް ނުދޭތަ” ޚަދީޖާ އަހާލިއެވެ.

“ހަނގު ދެކުދިންވީމަ، އެމީހުން ބޭނުންވީމަ ވަޒީފާއަށްވެސް ދާނެ، ސްކޫލު ނިމޭތަނާ ކޮންމެހެން ވަޒީފާއަކަށް އެކުދިން ދިއުމަކީ އަހަރެންގެ ނަޒަރުގައި މަޖޫބުރު ކަމެއްނޫން، އެކުދިން ޒިންމާ ނަގައިގެން އުޅެން އަދި ވަރަށް ޅަ، ވިއްސަކަށް އަހަރުވީމަ ދިރިއުޅުމައިގެން އެކުދިންވެސް ވިސްނާނެއޭ އަހަރެން ޤަބޫލު ކުރަނީ، ނޫންތަ ފާތުމަ” ދާރާ ވަރަށް ފޫހިވެފައި ހުރެ ބުންޏެވެ. އަންބަރުގެ ކުދިންނާ ޚަދީޖާގެ ކުދިންނާ އަޅާކިޔުމަކީ، މާކުރިންސުރެވެސް ޚަދީޖާ ކުރާ ކަމެކެވެ. އެއީވެސް ޚަދީޖާދެކެ ދާރާ ފޫހިވާން ފެށި އެއްކަމެވެ. ކުދިންގެ ކިޔެވުމާއި ބެހުމާއި، ދާރާގެ ކުދިން ކިޔެވުމަށް މޮޅުވެއްޖެ ނަމަ އެހެން އެވީ ކީއްވެގެންތޯ ޚަދީޖާ ބަލަން ޖެހެއެވެ. ނުވިތާކަށް މިހާރު އޭނާ ފައިވިއްދާލާފައި އެހުރީ ދާރާގެ ހުރިހާ ކުދިން އުޅޭ ވަޒީފާތައް އޮޅުން ފިލުވުމަށެވެ. ކިތަންމެ ބުނަން ބޭނުން ނުވިޔަސް ދުލުން ދޮގެއްވެސް ހަދާކަށް ދާރާ ބޭނުމެއްނޫނެވެ. ޚަދީޖާގެ ހިތް އެހާ ރަނގަޅު ނޫންހެން އަބަދުވެސް ދާރާއަށް ހީވާތީއެވެ.

ބިންޏާ ޑިއުޓީއަށް ދިޔައީ ހެނދުނު ސައިބޯން ޕާނެއް ގަނެފައެވެ. އަދި މެންދުރު ވަގުތެއް ހޯދާލައިގެން އައިސް ބަތްތަވާ އުދާލެވޭނޭ ހެން ހުރިހާ ކަމެއްވެސް ތައްޔާރު ކޮއްފައެވެ. ހެނދުނު ތެދުވެ މެންދުރު ލައިގެން ކާނޭ އެއްޗެއްވެސް އޭނާ ހުރީ ތައްޔާރު ކޮއްފައެވެ. ގޭތެރޭގައި މަސައްކަތްކޮށް ނޫޅުނަސް އޭނާއަށް ކެއްކުކަމަކީ އުދަނގޫ ކަމަކަށް ނުވެއެވެ. ހަމައެކަނި މައްސަލައަކީ ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާގައި އުޅެމުން ވަގުތު ހޯދުމުގެ މައްސަލައެވެ. އެކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެހީތެރިކަންވެސް ބޮޑުވެފައި މެނޭޖްމަންޓުގެ އެހީތެރިކަންވެސް ބިންޏާއަށް ލިބެމުންދިޔަ ކަމަކީ މިފަދަ ވަގުތެއްގައި އޭނާއަށް ލިބުނު އިތުރު ފަސޭހަކަމެކެވެ.

ހެނދުނު ދިހެއް ޖަހަނިކޮށް ހޭލި ބަލްމާ ފެންވަރާލާ ރީތިވެލައިގެން ސިޓިން ރޫމަށް ނުކުމެ ސައިބޯން ހުރީ ކޮންއެއްޗެއްތޯ ބަލާލިއެވެ. ދެފޮތި ޕާން ނަގާ ޓޯސްޓަރުގެ ތެރެއަށް ލުމަށްފަހު އައިސްއަލަމާރިން ޖޭމް ފުޅި ނަގައިގެން އައިސް މޭޒު ކައިރީ އިށީނެވެ. ނަމަވެސް ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ބަލްމާއަށް އުނދަގޫ ކުރަން ފެށުމުން ތެދުވެގެން އައިސް ސޯފާ ކުރިމަތީ ހުރި ކުޑަމޭޒުމަތިން ޓީވީގެ ރިމޯޓު ނަގާ އޭގެ ޕަވަރ ފިތަށް އޮބާލައިފިއެވެ. އެއަށްފަހު ކާން ތައްޔާރު ކުރި ދެފޮތި ޕާން ހިފައިގެން އައިސް ސޯފާއިގައި އިށީނެވެ. ޓީވީން ގެނެސްދެމުން ދިޔަ ލަވަ ޕްރޮގްރާމަށް ގެއްލިފައި އިނދެ ބަލްމާ އެއްލި ކަޅިއަކުން ކުޑަދޮރުގެ ފަރުދާ ކެހިފައި ހުރި ތަންކޮޅަކުން ބިއްލޫރިގަނޑުގައި މޫނުޖަހައިގެން މީހަކު ހުރި ހެން ހީވެ ސިހުނެވެ. ފުންމައިގެން ތެދުވެ އެދިމާލަށް ބަލާލެވުނު އިރު އެހެން އޮތީ މިންހާޖެވެ. ބަލްމާ ބަލާލުމުން ލާނެތް ފާޑަކަށް ހިނިއައިސްފައި ހުއްޓެވެ. ބަލްމާ އަތުން އެތަނުން އައުމަށް އިޝާރާތް ކޮއްލުމާއިއެކު ހިނގައިގަތީ ސިޓިން ރޫމުގެ ދޮރާ ދިމާލަށެވެ. ސިޓިން ރޫމު ދޮރު ހުޅުވާލަން އަތްގަނޑުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ.

“ކިހާ ބޮޑު ކަމެއް މަޑޭ، ކީއްކުރަން ތިއައީ، ބައްތު ނެތްކަން އެނގެއެންނު” ދޮރުހުޅުވާލި ބަލްމާ މޫނު ހަދާލަމުން ރުޅިވެރި ރާގެއްގައި ބުނެލިއެވެ.

“ބެލް މިހާރު އަހަރެންދެކެ ރުޅި އަންނާތީ އެހެންވެ މިއައީ ޕީސް ހަދަންވެގެން، ސަޔަށް ނުކުމެފަ މިގެއަށް ޖައްސާލާފަ ދާންކަމަށް މިއައީ، ދެން ތިހެން ނުހުރެބަލަ، އަހަރެން ނުވައްދާނަންތަ، މަންމަމެނެއްވެސް ނޫޅެ އެންނު” މިންހާޖު ދޮރުކަނީގައި އަތް ވިއްދާލަމުން ސިޓިން ރޫމު ތެރެ ހޯދާލާފަދަ ގޮތަކަށް ބަލާލަމުން ބުނެލިއެވެ.

“ބައްތު އެންނު މަޑޭ މިގެއަށް ވައްދާނީ، މަށެއްނޫނެންނު” ބަލްމާ ބުންޏެވެ.

“އަދިވެސް ރުޅި އައިސްފަތަ ތިހުންނަނީ، މި ބުނީނު މިއައީ ޕީސް ހަދަންށޭ، އަހަރެންދެން އެކަހަލަ ވާހަކައެއް ބެލް ގާތު ނުދައްކާނަމޭ، ސީރިއަސްކޮށް މިބުނީ، ޤަބޫލު ކޮށްބަލަ، ސޮރީ އެކަހަލަ ގޮތަކަށް ބެލް އާއި ވާހަކަދެއްކުނީމަ، އަން މީ އަހަރެން ބެލްއަށް ގެނައި އެއްޗެއް، ވީ ކެން ބީ ފްރެންޑްސް އެންނު” މިންހާޖު އަތުގައި އޮތް ކޮތަޅު ބަލްމާއަށް ދިއްކޮއްލިއެވެ.

“އޯކޭ، ދެން ދޭ، މިހާރު ދޮންތަ އަންނަން އުޅޭނެ” ބަލްމާ އަވަސް އަރުވާލާފައި ކޮތަޅުގައި ހިފަމުން މިންހާޖު ފޮނުވާލަން ބޭނުންވިއެވެ.

“ދިނާރު އަހަންނާ ބައްދަލު ކުރި، އަހަރެން ހިޔެއް ނުކުރަން ބެލް އޭނާ ގާތު ހުރިހާ ވާހަކައެއް ދައްކާނެ ކަމަކަށް، އަސްލު އަހަރެން ސަމާސާ ކޮއްލީއޭ، މި ޗޮކުލެޓު ކާލައްޗޭ، އޭރުން އަހަރެން ހީކުރާނީ ބެލް އަހަރެންގެ އެޕޮލޮޖީ ޤަބޫލު ކުރީކަމަށް، ދެން އަދި ބުނަން، އަހަރެން ބައްތު ނެތިސް މިގެއަށް ރޭގަނޑު ވަނުމުގެ ބޭނުމެއް ނޯންނާނެ އެންނު، އަދި ހެނދުނުން އޮފީހަށްވެސް ނުކުންނަން ޖެހޭނެ، އެހެންވެ ރޭގަނޑު ހޭލާ އުޅުމަކީ އަހަރެން ކުރާ ކަމެއް ނޫން” މިންހާޖު މިހެން ބުނެލާފަ މަޑުކުރުމެއްނެތި އެގެއިން ނުކުންނަން ހިނގައިގަތެވެ. ބަލްމާ އަވަސް އަވަހަށް ދޮރުލައްޕާފައި ސިޓިން ރޫމުގެ ކުޑަ ދޮރުން މިންހާޖު ނުކުމެގެން ދިޔަ ތަން ބަލަން ހުއްޓެވެ. އޭނާ ދިޔަކަން ޔަގީން ވުމުން އަވަހަށް ފޯނު ނަގާ ދިނާރަށް ގުޅާލިއެވެ.

“ބޭބޭ، އެބިން ވިއްކާލަންތަ ތިވިސްނަނީ، އިބްރާހިމު ބުނި އޭނާ މަސައްކަތެއް ކޮއްލަން ދޭންވީނުންހޭ އެބިން، ބަޔަކާ ހަވާލު ކުރާނަމަ އަހަރުމެންނާ ހަވާލު ކުރުން މާ ރަނގަޅު ވާނެ ނޫންހޭ” މެންދުރު ކާން ޚަދީޖާ މެންގެއަށް އަންބަރު ގޮސް އިންދާ ބުންޏެވެ.

“މިދެން ވިޔަފާރި އުޞޫލުން މީހަކަށް ދޫކޮށްލަނީ، ރަނގަޅު އެއްޗެއް ލިބޭ ގޮތަށް، އެކަން މިހާރު އޮތީ ހަމަ ޖެހިފަ، އެހެން ނޫނަސް އިބްރާހީމަކީ ދަނޑުވެރިކަން ކުރާހިތްވާ މީހެއްކަމެއް ކުރިން ނޭނގޭ” އަންބަރަށް ޚަދީޖާގެ ފިރިމާގެ ގޮތް އެނގޭތީވެ ބުނެވުނެވެ. އަންބަރު އެއްގޮތަކަށްވެސް އޭނާއަށް އެރަށުން ލިބިފައި އޮތް ބިން ޢާއިލީ މީހެއްގެ އަތަށް ދޫކޮއްލާކަށް ގަސްދެއް ނުކުރެއެވެ.

“އޭނާވެސް ރަށުން ބޭރަށް ދާން ބޭނުންނުވާތީ އެކަހަލަ މަސައްކަތެއް ކުރަން ބޭނުންވަނީ، އެކަމަކު ދެން ބޭބެ ތިގޮތަށް ތިކަން ނިންމާފަ އޮތިއްޔާ އަޅާނުލާ، މިރޭވެސް ކާން އަންނައްޗޭ، ކުދިން ގޮވައިގެން އަނައްޗޭ، އެކުދިން ވަރަށް ބީރައްޓެހިކޮށް އުޅެނީ، އެހާ ދުވަސްކޮއްފަ މިރަށަށް އަންނަ އިރު އަންނަ ފަހަރަކުން ވާނެ އެންނު އަހަރުމެންނާ ގުޅުން ބަދަހި ކޮށްދޭން، ފަހަރި ދައިތަވެސް މިގެއަށް ނާދޭ، ކަމަކާ ހިތްހަމަ ނުޖެހުނިއްޔާ ބުނީމަ އެނގޭނީވެސް…” ޚަދީޖާގެ ވާހަކަ އަންބަރު މެދު ކަނޑާލިއެވެ.

“ކަމަކާ ހިތްހަމަ ނުޖެހިގެނެއް ނޫނޭ ދާރާ ނާންނަނީ، ދާރާ ބުނީ ޚަދީޖާއަށް އެހާ ބޮޑު ބުރައެއް ޖައްސާކަށް ނުވާނެއޭ، އަހަރުމެން އެންމެނަށް ވާވަރަށް ކެއްކުމަކީވެސް ކިހާ ބޮޑުކަމެއް، ޚަދިޖާގެ ކަންތައްތައް ކޮށްދޭން ޖެހޭ ދެކުދިން އަދިވެސް އެބަ ތިބިވިއްޔަ، ކޮބާތަ ރީނާ އާއި ހައުލާ، ގޭގައި ނޫޅެނީތަ، މިރަށަށް އައިފަހުން މުޅިންވެސް މިފެންނަނީ ހަނގަށް ތިބި އަންހެން މަންޖެއާ، ފިރިހެން ސޮރު” އަންބަރު މަޢުލޫބަދަލު ކޮއްލަން މަސައްކަތް ކުރިއެވެ.

“ރީނާ ކޮޓަރީގައި އެބަ އުޅޭ ކަންނޭގެ، ހައުލާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައި، ބޭބެ އަދި ނުދެކެމެންނު ހައުލާގެ ފިރިހެން ސޮރު، ހަވީރު އަންނާނެ އެމީހުން، ބޭބެގެ ކުދިން ގޮވައިގެން އާދެބަލަ މިގެއަށް، އޭރުން ދިމާވާނެ ހުރިހާ ކުދިންނާ، އިބުރާހިމުވެސް އެގަޑީގަ އުޅޭނެ، ފަހަރި ދައިތަވެސް ގޮވައިގެން އަންނަންވާނީ، އަހަރެން ބުންޏަސް ނާންނާނެވިއްޔަ، އެހެންވީމަ ބޭބެ މިފަހަރު ވާނީ އެކަން ކުރަން” ކައިނިމިގެން އަންބަރު އަތް ދޮވުމާއިއެކު އަތްފުހޭ ދުވާލި ކޮޅު ޚަދީޖާ ދިއްކޮއްލިއެވެ.

ފޫހިކަމާއިއެކު ބަތީލު، ދާރާގެ ގާތުގައި އިނދެ ކުދި ކިޔަމުން ދިޔައެވެ. ބަތީލު ބޭނުންވަނީ އަވަހަށް އެނބުރި އެމީހުންގެ ރަށަށް ދާށެވެ. މިރަށުގައި އެއްވެސް ރައްޓެހި ރަޙުމަތްތެރިއަކާއި ނުލާ ދުވަސްތައް ހޭދައެއް ނުކުރެވޭނެކަމަށް ބުނަމުންނެވެ. ބަލްމާވެސް ކައިރީގައި ނެތީމަ އާއިއެކު ބަތީލު އެތަނުގައި ހުންނަން ބޭނުންނުވަނީއެވެ. ދާރާ އޭނާގެ ދަރިފުޅަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.

އަންބަރު ކިޔާވަރުން އިޝާ ނަމާދުކޮށްލައިގެން ދާރާ، ޚަދީޖާމެންގެއަށް ދިޔައެވެ. ދެރޭ އެގެއިން ކެއުމާއިއެކު އޭނާއަށް ކަމެއް ފާހަގަ ކުރެވުނެއެވެ.

“އެންމެން ކެއީތަ، ކީއްވެތަ އަހަރެމެންނާއިއެކު އެކަކުވެސް ކެއުމުގައި ބައިވެރި ނުވަެނީ، ކުދިވެރިން ކޮބާތަ” ދާރާ ބުންޏެވެ.

“އެމީހުން ކާނީ ތަންކޮޅެއް ލަސްކޮއްލާފަ، މިހާރަކު ނޫން، އަހަންނާ އިބްރާހިމު ކާނީ ބޭބެމެން ކައިގެން ފޭބީމަ، ރަނގަޅަށް ކައިގެން ދާންވާނީ، ކޮބާ މީރުތަ ނޫޑުލިސް” ޚަދީޖާ، ބަތީލުގެ ބުރަކަށީގައި ފިރުމާލިއެވެ. ދާރާ، ޚަދީޖާގެ ޖަވާބުން މުޅިއަކުން ހިތްހަމައެއް ނުޖެހުނެވެ. ޚަދީޖާ އަންބަރަށް ބަތް އަޅާދިނުމުން ދާރާވެސް ކެއީ ހަމަ އެތަށީގައި ހުރިބަތެވެ. އެހެންނަމަވެސް އޭނާ އާއި އޭނަގެ ކުދިން ކައިގެން ފޭބުމުން ޚަދީޖާ އޭނާގެ ފިރި އިބްރާހިމަށް ކާން ހެދީ އެހެން ތެއްޔެއްގައި ކައްކާފައި ހުރި ބަތް އަޅައި ދީގެންނެވެ. މިތަން ފެނި ދާރާ ސުވާލު އުފެދުނެވެ. ހުރިހާ ކުދިން އަންބަރާއިއެކު ކާގެއިން ނުކުތުމުން ދާރާވެސް ނުކުންނަން ދާކަމަށް ހަދާލާފައި ދޮރުކައިރީ މަޑުކޮއްލީ ޚަދީޖާއަށް ނުފެންނާނޭ ހެންނެވެ. އެހެން މީހަކަށް ނޭނގޭނޭ ފަދަ ގޮތަކަށް ދާރާ ބަދިގެ ތެރެއަށް ބަލަން ހުއްޓާ ޚަދީޖާ ކުރިކަމަކީ ދާރާ އާއި އަންބަރަށް ކާން ހެދި ބަތްތަށީގައި ބާކީ ހުރި ބަތް ކުނި އެއްޗަށް އަޅާލާފައި ސިންކަށް ތަށި ލައިފިއެވެ. ހަމަ އެގޮތަށް އަންބަރާއި ދާރާގެ ކުދިން ކެއި ނޫޑުލިސް ތަށީގައި ބާކީ ހުރި ބަޔާއިއެކު ތެލީގައި ހުރި ބައިވެސް ކުނި އެއްޗަށް އޮއްސާލާފައި ކާގެއިން ނުކުންނަން ހިނގައިގަތެވެ. ފެނުނު މަންޒަރުން ހައިރާންވެ އަންތަރީސްވެފައި ހުރި ދާރާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ޚަދީޖާ އެފަދަ ގޮތަކަށް ކަންތައް ކުރަންވީ ކީއްވެބާއޭ ދާރާގެ ހިތަށް އެރިއެވެ. އެމީހުން ކައިފާ ބާކީވެސް ކާއެއްޗެހި ހުރި ވިއްޔާއެވެ. އެގޭ ކުދިންނަށް އޭގެން ރަނގަޅަށްވެސް ފުދޭނެހާ ވާނެއެވެ. އެކާއެއްޗެހި ދެވަނަ މީހަކަށް ޚަދީޖާ ނުދިނީ ކީއްވެތޯ، އެސުވާލު ދާރާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ.

ސިކުނޑިއަށް ލިބިގެން ދިޔަ ނުތަނަވަސް ކަމާއިއެކު ދާރާއަށް މާގިނައިރަކު ނީނދެވުނެވެ. ޚަދީޖާ ބަދިގެއިން ނުކުން ގޮތަށް ދޮށީ ދަރިފުޅު ހައުލާ ލައްވާ ދުފާ ތަބަށްތައްޔާރުކޮއްގެން ގެނައެވެ. އަދި ޚުދު ޚަދީޖާގެ އަތުން ބިލެތްގަނޑެއް ތައްޔާރުކޮށް އަންބަރަށް ދިނެވެ. ހަމަ އެގޮތަށް ތައްޔާރު ކުރި ބިލެތްގަނޑެއް މުނީބަށް ދިއްކޮއްލުމާއިއެކު، ސުވާލު އުފެދިފައި އިން ދާރާ، މުނީބަށްވުރެ ކުރިން އެބިލެތްގަނޑު އަތުލައިފިއެވެ.

“ހިނގާ ދަމާ ދޯ” ދާރާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. މިހެން ބުނެ އިންތަނުން ތެދުވުމާއިއެކު ބަތީލާއި މުނީބުގެ ދެމަފިރިންވެސް ތެދުވިއެވެ.

“ނުވެސް ދުފަންތަ، ފޯއްފޮއްޗެއްވިޔަސް ކައިގެން އަނގަޔަށް ލާންވާނެ އެންނު، އަދި އެބައޮތޭ ވާހަކައެއް ބުނަންވެފަ” ދާރާ މާއަވަސް އަރުވާލާފައި އުޅުމުން ޚަދީޖާ ބުންޏެވެ.

“ކޮންވާހަކައެއް” ދާރާއަށް އަހާލެވުނެވެ.

“މިއުޅެނީ މިތާ ކައިރީ މިއޮތް ފަޅު ރަށަށް ދާންކަމަށް، ހިނގާ އަހަރުމެންނާއި އެކު ގޮސްލަމާ، ދުރު މީހުނެއް ނުދާނެ” ޚަދީޖާ ބުންޏެވެ.

“މިހާރު ދާގޮތަށް ހަމަޖެހުނީތަ، ކުޑަ ދޯނީގެ އިންޖީނަށް ކޮންމެވެސް ކަމެއް ދިމާވެގެން އުޅޭ ވާހަކަ އިބްރާހިމު ދެއްކި” އަންބަރު ބުންޏެވެ.

“އެކަން ރަނގަޅު ކޮށްފި، މާދަމާ ހެނދުނުން ދާން ކަމަށް މިއުޅެނީ، ރަށަށް އަންނާނީ ހަވީރުން” ޚަދީޖާ ބުންޏެވެ.

“މަށަކަށް ނުދެވޭނެ، ދޯންޏަށް އެރީމަ ނުލާހިކު ބޯއަނބުރާ، ދަތުރު ކުރުމަކީ މަށަށް ވާވަރު ކަމެއް ނޫން، މަށާ ނުލާ ކުދިން ފޮނުވާކަށް ނުކެރޭނެ، އެމީހުން ވަރަށް އާވާނެ އެކަހަލަ މާހައުލަކަށް، ޚަދީޖާ ދެން ދަނީ އެނގޭ، ރަށުގައި ތިބި ދެބެންނަށް ގުޅާނަމޭ ބުނެފަ މިއައީ، މިހާރު ތިބޭނީ ނުގުޅައިގެން ލަސްވެފަ” ދާރާ މިހެން ބުނެ އެނގެއިން ނުކުންނަން ހިނގައިގަތެވެ.

“ދާރާ، އަހަރެން ދާނީ އިރުކޮޅަކު މިގޭގަ މަޑުކޮއްލާފަ އެނގޭ” އަންބަރު ބުންޏެވެ. އިތުރަށް ފޫހިވިއެއްކަމަކު އެކަން މޫނުމަތިން ނުދައްކާ އަވަސް އަވަހަށް ދާރާ، ބަތީލުގެ އަތުގައި ހިފައިގެން އެނގެއިން ނުކުމެއްޖެއެވެ.

* * * *

ފޫހިވެގެން އުޅެފައި ބަތީލު ނިދަން އޮށޯތީ ދާރާ އާއިއެކުއެވެ. ދާރާވެސް ނިތްކުރީގައި އަތް ބާއްވާލައިގެން އޮތީ ބޮޑު ފިކުރެއްގައި އޮތް މީހަކު ހެންނެވެ. ގާތުގައި ބަތީލު ފޯނުން ގޭމް ކުޅެން އޮތެވެ. އަންބަރު ކޮޓަރިއަށް ވަނީ ދެމައިން ހޭލާ ތިއްބައެވެ. އޭނާ ފާޚާނާއަށް ވަދެފައި ނުކުމެ އޯށޯތުމަށް ތައްޔާރުކޮއްފައި އޮތް ގޮދަޑިމަތީގައި އިށީނދެ ދާރާއަށް ގޮވާލިއެވެ.

“ކޮންކަމަކާ ތި ވިސްނަނީ، ހާދަ ފާޑަކަށޭ މިރޭ ޚަދީޖާމެންގޭގަ އިނދެފަ ނުކުމެގެން އައީ” އަންބަރު ބުންޏެވެ.

“ޚަދިޖާއަކީ ރަނގަޅު މީހެއްހެން ހަމަ ހީނުވާތީ އެހެން އުޅެން ޖެހެނީ، މިރޭވެސް އަހަންނަށް ފެނުނު މަންޒަރު އަންބަރަށްވެސް ފެނުނުނަމަ އެނގޭނީ އެކަން” ދާރާ ފުންނޭވާއެއް ލަމުން ބުނެލިއެވެ.

“ދާރާ، ތިގޮތް ދޫކޮއްލަބަލަ، ޚަދީޖާއަކީ އަހަރެންގެ ހުރި ހަމައެކަނި އެއްބަނޑު މީހަކީ، ޢާއިލާގައި ހުރީވެސް އޭނާ އެކަނި، އަހަރެން ނޫން ދެން ކާކު އޭނާއަށް އެހީވާނީވެސް، ހިތްހަމަ ނުޖެހުނަސް، މިރަށަށް އެމީހުން ފެންނަ ހިސާބަށް އައިސް އުޅޭއިރު ތިގޮތަށް ނޫޅެބަލަ، ދާރާގެ ރަށުގައި އަހަރުމެން އުޅޭއިރު، އަހަރެން ނުބުނަމެންނު ދާރާ ކައިރީ ޚަދީޖާ އަށް ގުޅާލާ ހާލު ބަލާލަ ބަލާށޭ، ނޫނީ އޭނާ ގުޅާ ފަހަރަކުވެސް އޭނާ އާއި ވާހަކަދައްކާލަ ބަލާށޭ، މިހާރު އެމީހުންގެ ފަސްގަނޑަށް އައިސް އަހަރެން ބޭނުންވަނީ ދާރާވެސް ޚަދީޖާ އާއި ގުޅިގެން އުޅެން، މިރަށުގައި ގިނަ ދުވަހެއްވެސް ވާނީއެއް ނޫން، ދާރާ ތިހެން އުޅުނީމަ، ބަތީލުމެންވެސް އެގޭ ކުދިންނާ ގުޅުން ބަދަހި ކުރާކަށް މަސައްކަތެއް ނުކުރާނެ، މުނީބާ އޭނާގެ އަންހެނުން މިރަށަށް އެއައީ އަލަށް، އެމީހުންވެސް ދެކޭނީ ކިހިނެއް، ޢާއިލީ ގުޅުން ބަދަހި ކުރަންވާނެ އެންނު” އަންބަރު މިހެން ބުނުމުން އިތުރަށް ދާރާ އެއްޗެއް ބުނާހިތެއް ނުވިއެވެ. ދާރާއަށް ހީވީ މިވަގުތު އޭނާއަށް ފެނުނު މަންޒަރުގެ ވާހަކަ އަންބަރަށް ކިޔާދިނަސް ޤަބޫލު ނުކުރާނެ ހެންނެވެ. އަނެއްކޮޅުން އަންބަރު، ޚަދީޖާއި ގުޅެން މަސައްކަތް ކުރާވަރު އެނގި އެކަމާ ދާރާ ހިތްހަމަ ނުޖެހި އޮވެ އެއްޗެއް ބުނާއިރު ގޯސްކޮށް ބުނެވިދާނެތީ، ހިތުގައި އުފެދެމުން އައި ވާހަކަތައް ނުބުނެ ހިފަހައްޓާލީއެވެ.

އެއްޗެއް ނުބުނެ ދާރާ އޮންނަތާ ގިނަ އިރެއް ނުވެ ނިދިއްޖެއެވެ. އާދައިގެ މަތިން އަންބަރު އޮށޯތް ތަނާހެން ނިދިއްޖެއެވެ. ބަތީލަށް ނިދުނީ ދާރާ އާއި އަންބަރު ނިދިފަހުންނެވެ. އެހެންނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ނިދި މިރޭ މަޑުކަން ފާހަގަ ކުރެވުނެވެ. އެއްފަރާތުން އަނެއް ފަރާތަށް ފުރޮޅިލިޔަސް ބަތީލު ކުޑަކުޑަކޮށް ލޯހުޅުވާލައެވެ. އެގޮތުން ބަތީލު، ބިއްދޮށަށް އެނބުރި އޮވެފައި ދާރާ އާއި ދިމާލަށް އެނބުރުނު ވަގުތެވެ. އެއްވެސް އިޙްތިޔަރަކާއި ނުލާ ފުންމައިގެން ތެދުވިގޮތަށް ބަތީލު ދެލޯ ބޮޑުކޮއްގެން އިނދެ ހަޅޭލަވަން ފަށައިފިއެވެ. ސިއްސައިގެން ދިޔަ ދާރާ އާއިއެކު އަންބަރުވެސް ކޮޅަށް ޖެހުނީ ކުއްލިއަކަށެވެ.

“ބަތީލު، ދަރިފުޅާ، އޭތް! ކިހިނެއްތަވީ، ހަޅޭލެވުން ހުއްޓާލަބަލަ، މަންމައޭމީ، ބަލާބަލަ، މީ މަންމައޭ، ބަތީލު” ދާރާވެސް ގަތީ ބިރެވެ. އެހެންނަމަވެސް ދަރިފުޅު ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ބަތީލުގެ ބާރު ހަޅޭކުގެ އަޑު ކޮޓަރިން ބޭރުވީކަން އެނގުނީ އެކޮޓަރި ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުމުންނެވެ. އޭރު ބިރުން ގޮސް ބަތީލު ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. އޭނާއަށް ލަަވަން ފެށި ހަޅޭ ނުހުއްޓުނެވެ. އަންބަރު ތެދުވެގެން ގޮސް އަވަހަށް ދޮރު ހުޅުވިއެވެ.

“ބައްޕާ، ކިހިނއްތަ މިވަނީ، ބަތީލު ހަޅޭލަވަނީ ކީއްވެތަ” ކަންބޮޑުވެފައި ހުރެ ވާހަކަދެއްކީ އެކޮޓަރި ދޮރުމަތީ ހުރި މުނީބެވެ. ހަމަ އެވަގުތު ކާސިމާއި އޭނާގެ ދަނބިދަރިފުޅުވެސް ނުކުމެއްޖެއެވެ. އެންމެވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ. އޭރު ގަޑިން ތިނެއް ޖަހަނީއެވެ. މުނީބު ބަލަން ނުހުރެ ކޮޓަރިތެރެއަށް ވަދެގެން އެއައި ގޮތަށް އައިސް ބަތީލުގެ ދެކޮނޑުގައި ހިފާތަޅުވައި ގަނެއްޖެއެވެ.

“މަންމާ… މަންމާ…” ބަތީލަށް ރޮއެ ގަނެވުމާއިއެކު ދާރާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ.

“ބަތީލު ހަމަޖެހިފަ ނިކަން ވީގޮތެއް ކިޔާދީބަލަ” ބަތީލު ހަޅޭލެވުން ހުއްޓާލުމާއިއެކު ރޯން ފެށުމުން އިތުރަށް ދާރާ ކަންބޮޑުވިއެވެ.

“އަންބަރު، ކިހިނެއްތަ އެމަންޖެއަށް ވެގެން އެއުޅެނީ” ކާސިމު ހާސްކަމާއިއެކު ސުވާލު ކުރިއެވެ.

“ހީވަނީ ބިރުވެރި ހުވަފެނެއް ފެނުނީހެން، އެކަމަކު ދުވަހަކުވެސް އެގޮތަށް އުޅެފައެއް ނެތް” އަންބަރު ވާހަކަދެއްކި އިރު އޭނާގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ކަންބޮޑުވުމާއި ހާސްކަމެވެ.

“އަހަރުމެން ދެން މިދަނީ ކޮޓަރިއަށް، އެމަންޖެ ހަމައަކަށް އެޅުނީމަ، އަހަރުމެންނަށްވެސް ވީގޮތެއް އަންގާލައްޗޭ” ކާސިމު ބޭނުންވީ އަންބަރުގެ ޢާއިލާއަށް ދިމާވެގެން އުޅޭކަންތައް ހައްލު ކުރުމަށް ވަގުތު ދޭށެވެ. އަންބަރު އާނއެކޭ ބުނެ ކޮޓަރީގެ ދޮރު ކައިރިކޮއްލާފައި އައިސް ދާރާމެންގެ ގާތު އެނދުގައި ކައިރީ މަޑުކޮއްލަމުން ދާރާއަށް ލޮލުން އިޝާރާތްކޮއްލީ ބަތީލަށް ވީގޮތެއް އެނގޭތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭގެ ޖަވާބުގައި މަޑުމަޑުން ދާރާ ދެފަރާތަށް ބޯހޫރާލިއެވެ.

އެތަށް އިރަކަށްފަހު ބަތީލު ރުއިން ހުއްޓާލި އިރު އޭނާއަށް ވަރަށް ބޮޑަށް ގިސްލެވިފައި ވެއެވެ. މުނީބުވެސް ކަންބޮޑުވިއެއް ކަމަކު އެނބުރި ކޮޓަރިއަށް ދިޔައީ ޒީނިޔާ އާއި އަޒްކާ އެކަނި ތިބީމައެވެ. ބަތީލުގެ ހަޅޭކުގެ އަޑުއިވި ޒީނިޔާވެސް އިނީ ހޭލާކަމަށްވާތީ، އޭނާވެސް އިންނާނީ ވަރަށް ހާސްވެފައިކަން މުނީބަށް އެނގޭތީއެވެ.

“އޮށޯވެ ނިދާލެވޭތޯ އުޅެމާ” ދާރާ ބަތީލަށް ބުނެލިއެވެ. ބަތީލުގެ ހަރަކާތްތައް ހުރީ ބިރުގެންފައި ހުރި މީހެއްގެ ހަރަކާތްތައް ހުންނަ ފަދަ ގޮތަކަށްކަން ދާރާއަށް ފާހަގަ ކުރެވި އެކަމާ ސުވާލު ކުރުން ލަސްކޮއްލީއެވެ. ނަމަވެސް ބަތީލު ނިދަން ބޭނުންނުވި ތަނުގައި އެނދުގައި އޮށޯންނަންވެސް ބޭނުމެއް ނުވިއެވެ. ބޭނުންނުވި ނަމަވެސް ބަތީލަށް އޭނާއަށް ފެނުނު މަންޒަރާއިމެދު ވިސްނަނެނީއެވެ. އަންބަރުވެސް ދަރިފުޅު އެއްޗެއް ބުނޭތޯ އިނދެ އިނދެފައި ވަރުބަލި ނިދިބަރުވެގެން ގޮނދަޑީގައި އޯށޯވެއްޖެއެވެ. އެހެންނަމަވެސް ދާރާއަށް ބަތީލު އެހާލުގައި އިންދާ ނިދާކަށް ނުކެރުނެވެ. އަދިވެސް ބަތީލުގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އިނެވެ.

“މަންމާ، އަހަންނަށް ހޭލެވުނު ވަގުތު ކޮޓަރި ދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވިފަ، ނިދާ ބޮކީގެ ސަބަބުން އެހާ އަލި ނޫނަސް އަހަންނަށް އެމީހާ ފެނުނު، ބިރުވެރި ގޮތަކަށް އޮތީ، ދޮރުކަނީގައި އެކޮޅު ކޮޅުން އެލިގަނެގެން އޮތް ހެން އޮތީ، ކަޅު ކަޅު މީހެއް، އޭނާ ދޮރުކަނީގެ އެއްފަރާތުން މަތީގައި އޮވެފައި ތިރިއަށް ފައިބަން ފެށީ، އެކަމަކު ކޮޓަރިތެރެއަށް ވަންނާކަށް ނުކެރޭ، މަންމާ، ހާދަ ބިރުވެރި ސިފައެއް ޖަހާ މީހެކޭ އެއީ” ދާރާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ބަތީލު މަޑުމަޑުން ކިޔާދިނެވެ. ދާރާ، ބަތީލުގެ ވާހަކަ އަޑުއިވި އެކަމާ ވަރަށް ފުންކޮށް ވިސްނާލިއެވެ.

“އެވާނީ ގެއަށް ވަގަކު ވަނީ ކަމަށް، ފާތުމަ ދެއްކި މިރަށުގައިވެސް ވައްކަން ކުރާ މީހުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށް، މިރޭ ބައްޕަ ކޮޓަރިއަށް ވަން އިރު ދޮރު ތަޅުނުލާ ހުރީމަ ކަންނޭގެ އެމީހަކު ވަންނަން ތި މަސައްކަތް ކުރީ، މިހާ އަނދިރީގައި ނިދިން ހޭލެވޭ ވަގުތު އެފަދަ މަންޒަރެއް ފެނުނީމަ ހިތް ބިރުގަތީ ކަމަށް ތިވާނީ، އާންމުކޮށް އެފަދަ ގަޑިއެއްގައި މީހާއަށް ފެންނާނީވެސް ބިރުވެރި ސިފައެއްގައި، ދަރިފުޅު ދެން އެކަމާ ނުވިސްނާ ނިދާލެވޭތޯ މިތާ މަންމަ ގާތު އޮށޯންނަން ވީނު” ދާރާ މިހެން ބުންޏެއް ކަމަކު ޚުދު ދާރާއަށްވެސް އޭނާ ބުނި އެއްޗެއް ޤަބޫލެއް ނުކުރެވެއެވެ.

ބަތީލު ހަޅޭލަވައިގަތުމާއިއެކު އެންމެ ފުރަތަމަވެސް ލޯހުޅުވާލެވުނީ ދާރާއަށް ކަމަށްވެފައި އޭނާއާށްވެސް ކޮޓަރި ދޮރުމަތިން ހިޔަންޏެއް ހުރަސް ކަނޑާލި ތަން ފެނުނު ހެން ހީވިއެވެ. އެހެންނަމަވެސް އެވާހަކަ ބަތީލު ގާތު ނުބުނީ އިތުރަށް އޭނާ ބިރުގަނެދާނެތީއެވެ. ކަންތައްތައް އެނގޭވަރު ވެފައި ހުއްޓެއްކަމަކު، ބިރަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ދާރާ ކޮންމެ އެއްޗެއް ބުންޏަސް ބަތީލަށް އެފުނު ކަމަކާ ކުރެވުނު އިޙުސާސެއް އެނގޭނީ ހަމަ ބަތީލަށްކަން ދާރާއަށް އެނގެއެވެ.

“ވަގަކަށް ވާނެ ނަމަ ކިހާ ރަނގަޅު” ބަތީލުގެ ފެންކަޅިވި ދެލޮލުން ކަރުނަތިކި އެދޮންކޯތާފަތުން ލާފައި ފައިބައިގެން ހިނގައްޖެއެވެ.

ފަތިސް ވަންދެން ބަތީލާއި އެކު ދާރާވެސް އިނީ އެނދުގެ ހެޑުބޯޑުގައި ލެނގިލައިގެން އިށީނދެއެވެ. ކުޑަ ހިނދުކޮޅަކަށްވެސް ބިރުކަށި ދަމާ ނުލައެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް ދާރާ ތެދުވިއެވެ. އޭރު ބަތީލަށް އިނީ އޭނާގެ ކޮނޑުގައި ބޯއަޅައިގެން އިނދެ ނިދިޖެހިފައެވެ. މަންމަ ތެދުވުމާއިއެކު ބަތީލުވެސް ދިޔައީ ސިއްސައިގެންނެވެ. ދާރާ، ބަތީލުގެ ކޮނޑުގައި އަވަހަށް ހިފަހައްޓާލަމުން “މީ މަންމައޭ” ބުނެލިއެވެ.

“ބަތީލު، މަންމަ އާއިއެކު ފަތިސް ނަމާދަށް އަރާލަން ވީނު، އޭރުން މީހާ ހަމަޖެހިދާނެ” ދާރާ އެނދުން ތެދުވެ ފާޚާނާ އާއި ދިމާލަށް ދަމުން ބުނެލިއެވެ. އެހެންނަމަވެސް ބަތީލުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ބާލީހުގައި ބައްދާލައިގެން ކުރުގެޅިގެން އޮންނަ ކަހަލަ ގޮތަކަށް އޮތެވެ. ދާރާ ފާޚާނާއަށް ވަދެފައި ނުކުންއިރުވެސް އޭނާ އޮތީ ހަމަ އެހެންނެވެ. އަންބަރަށް ނަމާދަށް ދާން ގޮވާފައި، އޭނާވެސް ފާޚާނާއިން ނުކުތުމުން، ދާރާ ނަމާދަށް އެރިއެވެ.

ޝައްކެއްގެ މަތީގައި ހުރެ ދާރާ ހެނދުނު ކޮޓަރިން ނުކުތީވެސް އަލިވިފަހުންނެވެ. ބަތީލަށް ނިދިފައި އޮތުމުން، އޭނާ އެކަނި ކޮޓަރީގައި ބާއްވާފައި ނުކުންނަން ޖެހޭތީ ޖެހިލުންވެފައި ހުރެއެވެ. އެހެންނަމަވެސް ހެނދުނުގެ ސައި ފާތުމަ ތައްޔާރު ކުރަން ވާއިރަށް އޭނާއަށް އެހީވާން ދާރާ ބޭނުންވިއެވެ.

“ތިއައީތަ؟ ކޮބާ މިހާރު އެމަންޖެ ހަމަޖެހިއްޖެތަ، ކިހިނެއްތަ މިވީކީ” ފާތުމައަށް ދާރާ ފެންނަން ވާއިރަށް ސުވާލު ކުރިއެވެ.

“މިހާރު އެބައޮތް ނިދިފަ، ދައްކާ އަހަރެން ރޮށި ދަމާލަ ދޭނަން، ފާތުމަ ތިތާ އުނދުން ކައިރީ ހުރެގެން އަހަރެން ދަމާ ވަރަކަށް ފިހެލަންވީނު، އޭތް! ފާތުމަ، އަހަރެން މިހިތަށް އަރަނީ ރޭގައި މިގެއަށް މީހަކު ވަނީބާއޭ، އެކަހަލަ ކަމެއް ވެދާނެތަ” ދާރާ ސުވާލުގެ ނަޒަރަކުން ފާތުމަށް ބަލާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *