“ނާއިލު” ޖެހިލުންވެފައި އިނދެ ޝަބާ މަޑުމަޑުން ބުނެލިއެވެ. މާޖިދުއަކީ ސަކަ މިޒާޖެއްގެ ވެރިއަކަސް ޝަބާއަށް އޭނާއަކީ މާކަމުދާ ވެރިއެއް ނޫނެވެ. ވެރިއަކަށް ކުރަންޖެހޭ ޤަދަރު މާޖިދުއަށް ނުކުރެވެނީ އޮފީސް ތެރޭގައި އޭނާގެ ޢަމަލުތައް ބައެއްފަހަރު ގެންގުޅޭ ގޮތުންނެވެ. ޝަބާ އިނީ އަވަހަށް އެކެބިންގެ ތެރެއިން ނުކުންނަން ބޭނުންވެފައެވެ.
“ތިންބެއިންގެ ތެރެއިން ދޮށީ ކުއްޖާތަ އެއީ، ތަންކޮޅެއް ވަރުގަދަ ކޮށް ހުންނަ ކުއްޖާ އުޅެނީ މީހަކާ އިނދެގެން ދޯ، އެއީ ކޮންކުއްޖެއްތަ” މާޖިދުއަށް އަސްލަމްމެންގެ ޢާއިލާ އެނގެނީ ނަމަކަށެވެ. އެހެންނަމަވެސް އޭނާއަށް އަސްލަމްއަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އާއި ގުޅުން ބަދަހިކުރަން ބޭނުންވަނީ އެހެންވެއެވެ. އޭނާ ދެކުނު ގޮތުގައި ޝަބާއަކީ އޭނާއަށް އެގުޅުން ބަދަހިކޮއްލުމަށް ހުޅުވިފައިފައި ހުރި ދޮރެކެވެ. ލިބުނު ރަނުގެ ފުރުޞަތެކެވެ.
“ނަވާލުގެ ވާހަކަ ކަންނޭގެ މާޖިދު ތިބުނުއްވީ، އަޅުގަނޑު ކައިވެނި ކުރީ އޭނާގެ ބޭބެ އާއި، އަޅުގަނޑުގެ ޗުއްޓީ ހަމަޖެހުނީތޯ” ޝަބާ ޢާއިލީ ވާހަކަ ދުރުކޮއްލާފައި އޭނާ އެކެބިންނަށް އައި މަޤްޞަދު ހާމަކުރިއެވެ.
“ރަނގަޅު، މިއޮތީ ލިޔުން، ޝަބާ ބޭނުންވި ވަރަށްވުރެ އިތުރުކޮއްލަދީފައި، ފަންސަވީސް ދުވަހުގެ ޗުއްޓީއެއް މިދިނީ” މާޖިދު ހީނލަމުން ބުނެލިއެވެ. އޭނާ ދިއްކޮލި ލިޔުން ހިފައިގެން ޝަބާ އަވަަސް އަވަހަށް އެތަނުން ނުކުތެވެ. އެއްޗެއް ބުނަންވެގެން އުޅުނު މާޖިދަށް އިތުރު ފުރުޞަތެއް ނުދީއެވެ.
އޮފީހުގެ މަސައްކަތުގެ ގަޑި ނިމުމާއިއެކު ޝަބާ ކޮނޑުގައި އަތްދަބަސް އަޅުވާލައިގެން ގެއަށްދާން ނުކުތެވެ. ވިއްސާރަ ދުވަހަކަށްވުމުން އެއްއަތުން ކުޑަކޮށް ހެދުން ހިއްލާލައިގެން ހުރެ ދުވާރުމަތިން ޝަބާ ހިނގަމުން ދިޔައީ ވަރަށް ބަލައިގެންހުރެއެވެ. އަރައިގެން ހުރި ބޫޓަށް ފެންއެޅިއްޖެއްޔާ ފަޔަށް މަހާފައި ހުރި ކަޅުކުލައިގެ ތުނިތުނި އިސްޓާކީނުވެސް ތެމޭނެތީވެ ޝަބާއަށް ހިނގެނީ ފައިދޮށަށް ބަލަމުންނެވެ. ދިހަވަރަކަށް ފިޔަވަޅު ކުރިއަށް ދިޔަފަހުން ޝަބާގެ ދާދި ގާތުން ކާރެއްގެ ބަރުގޮނުގެ އަޑުއިވުމުން ސިހިފައި ބަލާލެވުނީ މޫނު ހަދާލައިގެން ހުރެއެވެ. ކުރިއަށް ދާންއޮތް މަގުގައި އެކާރަށް ދާނެތަން އޮތްއިރު ބަރުގޮނު އަޅަންވީ ސަބަބެއް ޝަބާއަކަށް ނުވިސްނުނެވެ. ކާރާ ދިމާލަށް ބަލާލިއިރު އެތެރޭގައި އިން މީހަކު ފެންނަވަރެއް ނުވިއެވެ. އެހެންވެ ދެވަނަ ފަހަރަށް ބަލާނުލަންވެގެން ޝަބާ އޭނާގެ ހިނގުން އަވަސްކޮއްލިއެވެ. އޭނާގެ އުމުރުގައި ދުވަހަކުވެސް އެގޮތަށް ކާރެއް އޭނާ އާއި އެއްވަރަށް ބަރުގޮނު އަޅަމުން އައިސްފައެއްނެތެވެ. ކުޑަކޮށް ހާސްވިވަރުން މަގުގެ ދެފަރާތަށް ޝަބާއަށް ބެލުނެވެ. އޭނާ އާއި ދިމާލަށް މީހުން ބަލާތޯއެވެ. އެވަގުތު ދަންނަ ޒުވާނެއްގެ އަޑުން ޝަބާއަށް ގޮވާލިއެވެ. އެއަޑު އައީ ކާރުގެ ތެރެއިންނެވެ. ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮއްލުމާއިއެކު ކުޑަކޮށް ގުދުވެލައިގެން އޭނާ އާއި ދިމާލަށް ބަލަން އޮތް ނަވާލު ޝަބާއަށް ފެނުނީ ދެނެވެ. ވަގުތުން އޭނާގެ ހިނގުން ހުއްޓުމަކަށް އައެވެ. ދުވަހަކުވެސް ނަވާލު އޭނާ އާއި ވާހަކައެއް ނުދައްކައެވެ. ގިނަފަހަރަށް ބަލާވެސް ނުލާނެއެވެ.
“ޝަބާ، ގެއަށްތަ ތިދަނީ” ނަވާލު އަހާލިއެވެ. އޭނާވެސް ހިތްވަރު ކުރަމުންދިޔައި ޖެހިލުމެއްނެތި ޝަބާ އާއި ވާހަކަ ދައްކާށެވެ. ޝަބާއަށް އަނގައިން ބުނާކަށް ނޭނގުނެވެ. ހުރިފިޔަވަޅު މަތީ ހުރެ މަޑުމަޑުން ބޮލުން އިޝާރާތްކޮއްލީ އާނއެކޭ ބުނުމަށެވެ.
“އަހަރެންވެސް މިދަނީ ގެއަށް، އަހަންނާއިއެކު ދާންވީނު” ނަވާލު އޭނާގެ ހިތުގައި ވާއެއްޗެއް ހާމަކޮއްލިއެވެ.
“އަހަރެން ހިނގާލާފަ ގޮސްދާނަން” ދެޙިޔާލެއްގައި ހުރެ ޝަބާ ބުނެލިއެވެ. އޭނާއަށް މައްސަލައަކަށްވީ ނަވާލު އާއި އެހާ ރައްޓެހިނޫންވީމައެވެ. ނަވާލު އާއިއެކު އެކާރުގައި އިންނަން އޭނާއަށް އުނދަގޫވާނެތީވެސް މެއެވެ.
“ވަރަށް ވިއްސާރަދުވަހެންނު، ހީވަނީ ގެއަށް ދެވުމުގެ ކުރިން ވެހިގެންފާނެހެން… އިޓްސް އޯކޭ، އަހަންނަށް އުނދަގުލެއް ނުވާނެ ޝަބާ ގޮވައިގެން ދާކަށް، އަފްޓަރ އޯލް، ވީ އަރ ފެމީލީ އެންނު، ބީބީވެސް ހިތްހަމަޖެހޭނެ ޝަބާ ވިއްސާރައިގަ ހިނގާފަ ގެއަށް ދިއުމުގެ ބަދަލުގައި އަހަންނާއިއެކު ގެއަށް ދިއުމުން، މިކަހަލަ ދުވަސް ދުވަހު ޓެކްސީއެއްވެސް ނުލިބޭނެ، އެހެން ނޫނަސް އަހަރުމެންގެ ގޭ ކުއްޖަކު ޓެކްސީއަކަށް އަރަންވީ ކީއްކުރަން… ސޯ ޕްލީޒް ޝަބާ، ކާރަށް އަރާ، އޭރުން ދެމީހުންނަށްވެސް އަވަހަށް ގެއަށް ދެވުނީއެންނު” ނަވާލު ބުންޏެވެ. މިއަދުގެ މޫސުންވެސް އޭނާ އާއި އެއްބައިވެފައި ވާ ކަހަލައެވެ. ނަވާލުގެ ވާހަކަ ނިމުނުތަނާހެން މަތިންވެއްޓުނު ފެންތިކި ޖެހުނީ ޝަބާގެ ނޭފަތުގައެވެ. މައްޗަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ބޯމަތިކޮއްފައި ވާ ވިއްސާރަ ވިލާގަނޑު ޝަބާއަށް ފެނުނީ ދެނެވެ. ނަވާލު ބުނިހެން އޭނާއަށް ގެއާއި ހަމައަށް ނުތެމި ދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ. ކާރުގައި ޝަބާގެ ޖަވާބަކަށް އިންތިޒާރުކުރަމުންދިޔަ ނަވާލަށް ހިނިތުންވުމެއް ދެމުން ޝަބާ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމަށް އުޅުނު ވަގުތު ނަވާލު ކުރީ ދޮރުފަތް ހުޅުވާލިއެވެ. އެއާއިއެކު ޝަބާއަށް ފަހަތަށް އަރާކަށް ނުކެރުނެވެ. ނަވާލު އާއި ޖެހިގެން ކުރީގައި އިން ސީޓުގައި އޭނާ އިށީނދެ ކާރުގެ ދޮރުފަތް ރަނގަޅަށް ލައްޕާލިއެވެ.
ޓްރެފިކް ލައިޓުގައި ޖެހިފައި އިންއިރު ނަވާލުގެ ނަޒަރުވަނީ ޝަބާއަށް ހުއްޓިފައެވެ. އޭނާ ޝަބާގެ މޫނުގައި ފިރުމާލަން ބޭނުންވިއެވެ. އޭނާގެ ދެއަތުގެތެރެއަށް ޝަބާ ގެނެސް ލޯބިކޮއްލަން ހިތަށް އެރިއެވެ. މިކަހަލަ ޙީޔާލުތަކެއްގެ ތެރެއަށް ޤެބެމުން ދިޔަ ނަވާލު ސިހުނީ ފަހަތުން ބަރުގޮނުގެ އަޑުތައް އިވުމުންނެވެ. ޝަބާ އިނީ ނަވާލު އޭނާއަށް އެވަރަށް ބަލާތީ އުނދަގޫވެފައެވެ. އޭނާއަށް ނަވާލު ފާރަލަމުން ދާކަމެއް އެއްގޮތަކަށްވެސް ޝަބާއަކަށް ނޭނގެއެވެ. ޝަބާގެ އޮފީސް ނިމިގެން ގެއަށް ދާން ނުކުތްއިރުވެސް ތަންކޮޅެއް ދުރުގައި ނަވާލުގެ ކާރު ޕާކުކޮއްލާފައި އޮތްތަނެއް އޭނާ ނުދެކެއެވެ. އެހާ ސަމާލުކަމެއް މަގުމައްޗަށް އެއްވެސް އިރެއްގަވެސް ޝަބާ ނުދެއެވެ.
“ޝަބާ އަހަންނާ ވާހަކަ ނުދައްކަނީ ކީއްވެތަ، އަހަރެން ވަރަށް ބޭނުން ޝަބާ އާއި ފްރެންޑްވާން، ފެނުނަސް ހީނލަންވެސް ނުކެރެނީ ޝަބާ ރުޅި އައިސް ދާނެތީވެ” ނަވާލު، ޝަބާ އާއި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފެށިއެވެ.
“އަހަންނަކީ ރުޅި ގަދަ މީހެއްނޫން، ނަވާލު އަހަންނާ ވާހަކަ ދެއްކީމަ އެންނު ވާހަކަދައްކަން އެނގޭނީ، އަހަންނަކީ އިސްވެ މީހުންނާ މާގިނަ ވާހަކަ ދައްކާ މީހެއްނޫން” ޝަބާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ނަވާލު އޭނާ އާއި ވާހަކަދައްކަން މަސައްކަތް ކުރާތީ ހިތްހަމަޖެހުނެވެ. ޢާޢިލީ ގުޅުން ބަދަހިވުމަކީ ޝަބާވެސް ބޭނުންވާގޮތްކަމަށް ވާތީއެވެ.
“އަހަރެން ހީކުރީ އަހަރެން ކަމުނުދާތީ ޝަބާ އަހަންނަށް ބަލާވެސް ނުލަނީއޭ” ނަވާލު އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ސަމާސާ ރާގެއްގައި ބުނެލިއެވެ. އެހިނދު ޝަބާ ތަންކޮޅެއް ބޮޑަށް ހީނލަމުން ނަވާލަށް ބަލާލިއެވެ. އެބާލުމުން ނަވާލަށް ނެގުނީ މުޅިން ތަފާތު މާނައެކެވެ. ޝަބާގެ އެހީނލުމުން އޭނާގެ ހިތް އޭނާ އާއި ވަކިވެގެން ދިއުމަށްފަހު އެނބުރި އައިސް އޭގެ މަގާމަށް ވަންކަހަލައެވެ.
“ކިހިނެއްވީ” ނަވާލު އަހާލިއެވެ.
“ކަމެއްނުވޭ، އަހަރެން ހީކުރީ ގޭގެ އެކަކަށްވެސް އަހަރެން ހުންނަ ގޮތް ކަމަކު ނުދެއޭ، އެހެންވެއޭ ނަވާލުވެސް އަހަންނާ ވާހަކަ ނުދައްކަނީ” ޝަބާ ނަވާލުއަށް ބަލަހައްޓައިގެން އިނދެ ހަޤީޤަތް ހާމަކުރިއެވެ.
“އެއީ އެހެންމީހުންނަށް ޝަބާގެ ސިފަ އަދި ނުފެންނާތީވެ، އަހަންނަށް ޝަބާގެ ތިސިފަ ވަރަށް ކަމުގޮސްފި… ފްރެންޑްސް ދޯ” ނަވާލު ހީނލާފައި އަތްދިއްކޮއްލިއެވެ. ޝަބާއަށް ނަވާލު ބުނިއެއްޗެއްގެ ފަހަތުގައި ފޮރުވިފައިވާ މާނަ ނޭނގުނަސް އޭނާވެސް ހިނިތުންވެލަމުން ނަވާލުގެ އަތުގައި ސަލާމްކޮއްލުމަށް ހިފިއެވެ. އޭނާގެ ހަނދާނަށް އެވަގުތު ނާއިލު އައީ ކީއްވެކަމެއް ނޭނގެއެވެ. ނާއިލު ހިނިތުންވެލައިގެން އޭނާއަށް ބަލަންއިންގޮތެވެ. ރަޙުަމްތެރިކަމުގެ އަތް އޭނާ ޝަބާއަށް ދިއްކޮއްލިފަދައެވެ.
“ސޯ ސޮފްޓް” ނަވާލުއަށް ޝަބާގެ ފިނިވެފައި އޮތް އަތްތިލާގައި ބާރަށް ހިފާލެވުނެވެ. ޝަބާ އަވަސް އަވަހަށް އަތްދަމައިގަތެވެ. ނަވާލު ލާނެތް ގޮތަކަށް ބާރަށް ހީނލިއެވެ. ޝަބާވެސް އިނީ ހިނިއައިސްފައެވެ. ނަވާލުއަކީ ސަމާސާ ބޮޑު ޒުވާނެއްހެން އޭނަގެ ހަރަކާތްތަކުން ޝަބާއަށް ހީވިއެވެ.
ބޮޑުކޮޓަރީގެ ދޮރުމަތީ ހުއްޓިލާފައި ނަވާލު އަތުގެ އިޝާރާތުން ޝަބާ ވަނުމަށް ތަންދެއްކިއެވެ. ހީނލާފައި އެތެރެއަށް ވަން ޝަބާ ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ. ނަވާލުއަށް ބަލާލުމެއްނެތިއެވެ. އެވަގުތު ސޯފާގައި ޓީވީ ބަލަން ޝަރުމީލާ އިންކަންވެސް ނަވާލުއަށް ފާހަގަ ނުކުރެވުނެވެ. އޭނާގެ ނަޒަރުވަނީ ޝަބާ އާއި ގުޅިފައެވެ. ލޮލުކޮޅަށް ގެއްލުމުގެ ކުރިން ނަވާލު ޝަބާއަށް ގޮވާލިއެވެ.
“ފިނި ދުވަހެންނު، ހޫނު ކޮފީއެއް ބޯނަންތަ…” ނަވާލު ރަޙުމަތްތެރި ރާގެއްގައި އަހާލިއެވެ. ޝަބާ ވިސްނާލުމަށް އިރުކޮޅެއް ނެނގުމުން އަނެއްކާވެސް ނަވާލު ވާހަކަދެއްކިއެވެ.
“ބީބީ ބަލާ އަހަރެން މިދަނީ އިރުކޮޅަކުން، ޝަބާވެސް ކޮފީ ބޯނަން ދޯ” ނަވާލުއަށް ހީވީ ޝަބާ ވިސްނާލީ ނާއިލު އާއި ދޭތެރޭގަ ހެންނެވެ. އެހެންވެ އަވަސް އަވަހަށް ނާއިލުގެ ނަންވެސް ކިޔާލީއެވެ.
“އޯކޭ…” ޝަބާ ބުނެލިއެވެ. އަދި އެނބުރި އޭނާގެ ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ.
ވެހެމުންދިޔަ ވާރޭގެ ތިކިތަށް ހުޅުވާލެވިފައި ހުރި ކުޑަދޮރުގެ ކައިރީ އިން ނާއިލުއަށް ފެންނަނީ ވަރަށް ކުޑަކޮށެވެ. އެވެސް ގްރީން ހައުސްގެ މަތީގައި އަޅާފައި އޮތް ދާގަނޑުން ފުރޭނިގެން ކަހަލަ ގޮތަކަށް ފައިބާ ފެނެވެ. ވާރޭވެހޭތަން ބަލާލުމުގެ ފުރިހަމަ ހިތްހަމަޖެހުން ނާއިލަކަށް ނުލިބުނެވެ. އެހެންނަމަވެސް ގޭތެރޭގައިވަނީ ފިނިފިނި މޫސުމުގެ ވައިރޯޅިތައް އެނބުރެން ފަށާފައެވެ. ކުޑަދޮރުގައި އަޅުވާފައި ހުރި ވިންޑްޗައިމް އާއި ވައިރޯޅި ކުޅެލާއަޑުއިވެމުންދެއެވެ. ތަފާތު ވައްތަރެއްގެ މިއުޒިކެއް ކުޅެމުންދާ ކަހަލައެވެ.
ކޮޓަރިއަށް ވަން ޝަބާއަށް ކުޑަދޮރުގެ ކައިރީ އިން ނާއިލު ފެނުމާއިއެކު އަވަސް އަވަހަށް އެދިމާލަށް ދެވުނެވެ. ނާއިލުއަށް ޝަބާ ފެނުމާއިއެކު އެތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
“އޮފީސް ކިހިނެއްތަ؟ ޗުއްޓީ ހަމަޖެހުނުތަ” ނާއިލުއަށް އަހާލެވުނެވެ.
“ހޫމް، ކޮބާ މީކާ؟ ހާދަ ފިންޏޭ މިކޮޓަރި، ބޭރުވެސް އެހާ ފިނި… މިހާ ފިނީގަ ގިނައިރު އިންނަން ވެއްޖެއްޔާ ބަލިވެދާނެ އެންނު، ވަރަށް ގިނަ އިރުވެއްޖެ ދޯ މިތަނުގަ އިންނަތާ” ޝަބާއަށް ނާއިލު އާއިމެދު ކަންބޮޑުވެވުނެވެ. އޭނާ އަލަމާރި ތެރެއިން ވޫލުންވިޔެފައިވާ ރަޖައެއް ގެނެސް އަވަސް އަވަހަށް ނާއިލުގެ ވަށައިގެން އޮޅާލިއެވެ. މި މަންޒަރު ބަލަންއިން ނާއިލުގެ ހިތަށް ފިނިކަމެއް އިޙްސާސް ކުރެވިގެން ދިޔައެވެ. ޝަބާގެ ފަރާތުން އެފަދަ އޯގާތެރި އެތަށް ކަމެއް އޭނާއަށް ފެންނަމުން ދެއެވެ. އެންމެ ފަހަރަކުވެސް އޭނާއަކީ ބުރައެއްކަމުގައި ޝަބާ ނުދެކޭކަން، ނާއިލުއަށް ޝަބާ ބަލާލާ ކޮންމެ ފަހަރަކު އެނގެއެވެ.
“އަހަރެން ބުނެގެންނޭ މީކާ ކުޑަދޮރު ހުޅުވާފަ އެދިޔައީ، މިހިސާބަށް ވާރޭގެ އަސަރެއް ނުކުރޭ” ނާއިލު ބުނެލިއެވެ.
“ނާއިލުއަށް ފިންޏެއްވެސް ނުވޭތަ، ކޮޓަރީގެ އޭސީ މިވަގުތަށް ނިތްވާލަންތަ، މިހާ ފިނި ދުވަހެއްގަ އޭގެ ބޭނުމެއް ނުޖެހޭނެ އެންނު” ޝަބާ ބުނެލިއެވެ.
“ޝަބާއަށް މާ ބޮޑަށް ފިނިވީތަ، މައްސަލައެއްނެތް، އޭސީ ނިއްވާލާ، އެކަމަކު އަހަންނާއިއެކު މިތާ ގްރީން ހައުސްކައިރިއަށް ނުކުމެލާނަންތަ” ނާއިލު އަހާލިއެވެ.
“ހޫމް، ވަރަށް ފިނި، އެކަމަކު ދިއުމުގެ ކުރިން އަހަރެން ނާއިލު ގާތު ވާހަކައެއް ބުނަންވެފަ އޮބައޮތް” ޝަބާ ކުޑަދޮރުގެ ކައިރިއަށް ޖެހިލަމުން ނާއިލުއަށް ބަލާލާފައި ބުނެލިއެވެ.
“އަވަހަށް ބުނޭ” ނާއިލު ޝައުގުވެރިކަން ފާޅުކުރިއެވެ.
“މިއަދު ނާއިލުގެ ކޮއްކޮ އަހަންނާ ވާހަކަ ދައްކައިފި، ބުނީ ބޭނުންވަނީ ފްރެންޑްސް ވާ ށޯ، އަހަރެން ހީކުރީ މަންމަ ފިޔަވާ މިގޭ އެކަކުވެސް އަހަރެން ދެކެ ލައިކްއެއް ނުވާކަމަށް، މިއަދު ގެއަށް އައީވެސް ނަވާލު އާއިއެކު، އޭނާ އެހީ ނުވިނަމަ މިއަދު އަހަރެން ގެއަށް އަންނަން ޖެހޭނީ އެއްކޮށް ތެމިގެން” ޝަބާ ވާހަކަދެއްކީ ރަކިވެފައި ހުރި ފަދަ ގޮތަކަށެވެ. އަދިވެސް އޭނާއަށް ނަވާލުގެ ހަރަކާތްތަކާއި އޭނާގެ ވާހަކަތައް ޤަބޫލު ނުކުރެވޭ ކަހަލައެވެ.
“ހެ ހެ ހެ… އެހެންތަ، ނަވާ ޝަބާގެ ވާހަކަ ދައްކައޭ، އަހަރެންވެސް ޝަބާ ބަލައިގަތީ ޝަބާގެ ގޮތުގަ، އޭނަވެސް އެކަން ޤަބޫލު ކުރީ ކަންނޭގެ، ކޮންމެ ގޮތެއްވިޔަސް ޝަބާއަކީ މިހާރު މިގޭ ކުއްޖެއްނު، އަހަރެންގެ އަންހެނުން، ނަވާ އަހަރެންދެކެ ވަރަށް ލޯބިވާނެ، އެހެންވެ އޭނާ ޝަބާ އާއިމެދުވެސް ހިތުގަ އެއްޗެއް ބާއްވަން ބޭނުންނުވީ ކަމަށް ތިވާނީ، ރަނގަޅެންނު ޝަބާއަށް އަހަރެންގެ އިތުރުން މިގެއިން އިތުރު ރަޙުމަތްތެރިއަކު ލިބުނީމަ” ނާއިލު ހީނލިއެވެ.
“ދެންމެ ބުނި ނާއިލު ބަލާ އެބަ އަންނަމޯ، ކޮފީ ބޯން ވެގެން” ޝަބާވެސް ނާއިލުގެ ވާހަކައަށް ހިނިތުންވެލާފައި ބުނެލިއެވެ.
“ތިވީ މާ ރަނގަޅަކަންނު، މީކާއަށް ގޮވަންވީނު” ނާއިލު އަވަސް އަވަހަށް ބުނެލިއެވެ.
“އަހަރެން ނާއިލުއަށް އެހީވެދީފާނަން، އެގޮތް އެންމެ ރަނގަޅުތަ” ޝަބާ ޖެހިލުންވެފައި ހުރެ ނާއިލުއަށް އެހީވާން ފުރަތަމަ ފަހަރަށް އެދުނެވެ. ނާއިލު ޝަބާއަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ބޮލުން އިޝާރާތްކޮއްލީ މައްސަލައެއްނެތޭ ބުނާކަހަލަ ގޮތަކަށެވެ. އެއާއިއެކު ޝަބާ ފާޚާނާއަށްވަދެ ހެދުން ބަދަލުކޮއްލުމަށްފަހު ނާއިލު އަށް އެހީވުމަށް އަވަސްވެގަތެވެ. އެވަގުތު ނަވާލުވެސް އެކޮޓަރީގައި ޓަކިޖަހާލުމަށްފަހު ވަދެއްޖެއެވެ. އޭނާއަށް ޝަބާ ނާއިލުއަށް އެހީވާން އުޅޭތަން ފެނިފައި އެތަނަށް ލެފިލިއެވެ. އިސްނަގާ ނާއިލުގެ ގޮނޑީގައި ނަވާލު ހިފުމަށްފަހު ޝަބާގެ ގާތު އޭނާ ނާއިލުގެ ކަންތައްތައް ބަލަހައްޓަފާނަން ކަމަށް ބުންޏެވެ.
ކޮފީ ބޯން ތިންމީހުން ތިބީ ނާއިލުގެ ކޮޓަރި ބޭރުގައެވެ. ކޮރިޑޯއަށް އިތުރު ގޮނޑިއެއް ގެނައީ ދާޢޫދުލައްވައެވެ. ނާއިލު އޭނާއަށް ނީލްގެ ފަރާތުން ލިބުނު ޚަބަރު ޝަބާ އާއި އޭނާގެ ކޮއްކޮ ނަވާލު އާއި ހިއްސާކުރިއެވެ. އަދި މިހާރު ނީލްވީ ޓިކެޓުގެ ކަންތައްތައް ހަމަޖައްސަން ގޮސްފައި ކަމަށްވެސް ބުންޏެވެ. ގިނަ ވާހަކަ ދެއްކީ ނަވާލު އާއި ނާއިލުއެވެ. އަތުގައި އޮތް ކޮފީ ޖޯޑުގައި ހިފަހައްޓާލައިގެން އިން ޝަބާ އެމީހުންގެ ވާހަކަތައް ޝައުގުވެރިކަމާއިއެކު އަޑުއަހަމުންދިޔައެވެ. ދޭތެރެއަކުން ތަންކޮޅެއް ބޮޑަށް ހިނިތުންވެލާތަން ފެނެއެވެ. ދެފިރިހެނުންގެ ސަމާލުކަން އެއްފަހަރާ ކަހަލަ ގޮތަކަށް ޝަބާގެ ކުދި ކުދި ހަރަކާތްތަކަށް ހުއްޓިގެންދެއެވެ. އޭގެ އިތުރުން ނާއިލުގެ ތުނބުގައި، ޝަބާ ކޮފީ ޖޯޑު ޖައްސާލަ ދޭގޮތުން ނަވާލުގެ ހިތް ނުތަނަވަސް ކުރުވައެވެ. ނާއިލުއަށް ފިނިވެދާނެތީވެ ދޭތެރެއަކުން އޭނާގެ ގައިގާ އޮޅާލެވިފައި އޮތް ރަޖާ، ޝަބާ ރަނގަޅު ކޮއްލައެވެ. ވާހަކައިގެ ތެރެއިން އެދެމީހުންގެ ނަޒަރު އަމާޒުވުމާއިއެކު ޝަބާގެ ލޮލުން ފެނިގެން އެދާ އާދަޔާއި ހިލާފު ވިދުމާއިއެކު ކޯތާފަތުން ފެނިގެން އެދާ ލަދުވެތިކަމުގެ ނިޝާނުން ނާއިލްގެ ހިތް ފުރެމުންދާ ކަހަލައެވެ. އޭނާއަށް ޝަބާގެ ފަރާތުން އުނި އެންމެ ސިފައެއްވެސް އަދިއެއް ނުފެނެއެވެ. ޝަބާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އޭގެ އަމިއްލަ ބާރަށް ދޫކޮއްލެވެނީވެސް އެހެންވެއެވެ. އެދުލުން ކުރެވޭ އިޙްސާސް ބަޔާން ކުރުމަށް ނުކުޅެދިފައިވެއެވެ. އަނެއްކޮޅުން ހަރަކާތެއްކޮއްލަން ބޭނުންވިޔަސް އެކަމެއްވެސް އޭނާއަކަށް ނުކުރެވެއެވެ.
“ކޮބާ މޯނާ” ތިންމީހުންގެ މެދުގައި ހަމަހިމޭންކަން ކުޑަކުޑައިރުކޮޅަކަށްވިޔަސް ވެރިވުމާއިއެކު ނާއިލު އަހާލިއެވެ.
“ހެނދުނު ދިޔަގޮތަށް ނޭނގެ… އަންނާނެ ކަންނޭގެ އިރުކޮޅަކުން، ބީބީ… ކޮންބައެއްތަ އެކޮޅަށް ދަނީ” ނަވާލު ބޭނުންވީ މޯނާގެ ވާހަކަ އެތަނުގައި ނުދެއްކުމަށެވެ.
“ދާނީ މިގޭ ހުރިހާ އެންމެން، ތުއްތޮން ބުނީ އެހެން، އަދި މަންމަ އާއި ވާހަކަ ދެއްކޭ ގޮތެއް ނުވޭ، ބައްޕަ އުޅުއްވަނީ ކުޑަކޮށް ބަލިވެ، ނަވާ، ބައްޕަގެ ކޮޓަރިއަށް ދިޔައިންތަ” ނާއިލު އަހާލިއެވެ.
“ނޫން، މިއަދު އަދި ނުވަންނަން… ދެން އިރުކޮޅަކުން ގޮސް ވަދެލާނަން” ނަވާލު ބުނެލިއެވެ.
އިރުއޮއްސެން އުޅެނިކޮށް ނީލް ގެއަށް އައެވެ. ދަތުރަށް ތައްޔާރުވާންވީ ކަމުގައި އޭނާ ރޭގަނޑުގެ ކެއުމުގައި ބައިވެރި އެންމެން ގާތު ބުންޏެވެ. މިރޭ އަސްލަމް ކާމޭޒު ދޮށުން ފެނިނުލެއްވިއެވެ. ސަމީރާ އަސްލަމްގެ ހިދުމަތުގައި އަބަދުހެން ގާތުގައި އުޅެއެވެ. އޭނާ ކަންބޮޑުވެފައިވަނީ އަސްލަމް ބަލިވެ އުޅުއްވާއިރު ކުދިންނާއިއެކު ފުރާނެގޮތެއް ނޭނގޭތީއެވެ. ދަތުރު ކުރާނޭ ހާ ވަރު ހުމުގެ ސަބަބުން އަސްލަމްގެ ހަށިގަނޑަކު ނެތެވެ.
“ނީލް، ހުރިހާ ކުދިން ދާންވީނު މިފަހަރު، ބޭބެ ރަނގަޅުވެލީމަ އަހަރުމެންވެސް ދާނީ، އެއްގޮތަކަށްވެސް މިކަން ލަސްވާކަށް ދައްތަ ބޭނުމެއްނޫން، ދައްތަވެސް ބޭބެވެސް ނީލްއަށް އިތުބާރުކުރަން، ދައްތަ ދެކޭގޮތުގައި ތީ މިގޭގެ އެންމެ ދޮށީ ކުއްޖާ، ވީއިރު ހުރިހާ ކުދިންގެ ކަންތައްތައްވެސް ނީލް ބަލާނެކަން ޔަގީން” ސަމީރާގެ ކޮޓަރީގައި ނީލް ބައިންދައިގެން އޭނާ އާއި ދަތުރުގެ ކަންތައްތަކާއި މަޝްވަރާ ކުރަމުންދިޔައެވެ.
“ދައްތާ، އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް ހުރިހާ އިންތިޒާމެއް ހުންނާނީ ހަމަޖައްސާފަ، ދައްތައަށް މިވަގުތު ނުދެވުނަސް ނާއިލު އާއިމެދު ހާސްނުވޭ، އަޅުގަނޑު އެމީހުންނަށް ބަލާނަން، ނަވާވެސް ހުންނާނެ އަޅުގަނޑަށް އެހީވާން، އެކަމަކު ބޭބެ ރަނގަޅުވެލެއްވި ހާ އަވަހަކަށް ވާނެ އެކޮޅަށް އަންނަން، އޭރުން އާއިލީ ޗުއްޓީއެއްވެސް ހޭދަކޮއްލެވުނީ” ނީލް ހިނިތުންވެލިއެވެ.
“ޝަރުމީލާ ދާނީ ދައްތަ މެންނާއިއެކު، ލީލާ ފޮނުވާނަން ތިކުދިންނާއިއެކު، ގޭތެރޭ ކަންތައްތައް ކޮއްލާނެ އަންހެނަކު ބޭނުންވާނެ އެންނު، އެހެން ހުރިހާ ކަމެއްގެ ޒިންމާ ދައްތަ މިހަވާލު ކުރީ ނީލް އާއި” ސަމީރާ، ނީލްގެ ކޮނޑުގައި ފިރުމާލިއެވެ. ނީލް ބޯޖަހާލުމަށްފަހު ތެދުވެގެން އައިސް އެނދުގައި އޮތް އަސްލަމްގެ ގާތުގައި އިށީނެވެ.
“ބޭބޭ، ކަންބޮޑުވެ ނުލައްވައްޗޭ، އަޅުގަނޑު ހުރިހާ ކަމެއް ބަލަހައްޓާނަން، ބޭބެއަށް އަވަސް ޝިޕާއަކަށް އެދެން، އިރާދަ ކުރެއްވިއްޔާ މިދަތުރު ނިންމާފަ އަންނާނީ އަޅުގަނޑުމެންގެ ނާއިލު މުޅިން ރަނގަޅުވެގެން” ނީލްގެ އުންމީދުން ފުރިގެންވި މޫނަށް އަސްލަމް ބަލާލެއްވިއެވެ. ހުުންވަރުގަދަ ވުމުގެ ސަބަުން ދެލޮލުގެ އެސްފިޔަތަށްވެސް ބަރުވެފައި ވާކަހަލައެވެ. އެހާލުގައި އޮންނެވި އަސްލަމްގެ ހިކިތެދުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް ވެރިވުމާއިއެކު މަޑުމަޑުން ބޮލުން އިޝާރާތްކޮއްލީ އާނއެކޭ ބުނެލުމަށެވެ. އެވަގުތު އަސްލަމްގެ ލޮލަށް މީގެ އެތަށް އަހަރެއް ކުރީގެ މަންޒަރުތަކެއް ކުލަވަމުން ދިޔަކަހަލައެވެ.
ތެޅިގަލުން ރާނާ، ދަނގަޑު ޓިނުން ހިޔާކޮއްފައިވާ ގޭގެ ތެރެ ހީވަނީ އަވަނެއްހެންނެވެ. ދޮން ނިޔަންދުރެއްފަދަ ގަދަ އޮރެންޖު ކުލައިގެ އިރުން ހުރައެއްނެތި އެޅެމުންދިޔަ އަވިން ފުރާޅުވަނީ އާވިއަރާވަރަށް ދޮންވެފައެވެ. ބޯމަތީ އެނބުރެމުންދާ ފަންކާއިން ވާ ފިންޏެއް ހަރާމެވެ. އެހެންނަމަވެސް ގޭތެރޭގައި ވަނީ މީހުން ގިނަވެފައެވެ. ސަމީރާ އާއި އޭނަގެ ގާތުގައި ހުރި ޝަރުމީލާ ވަނީ ފެންކަޅިވެފައެވެ. އޭރު ބޮޑުއަށީގައި އެމީހުންގެ ބައްޕަ ނަސީމު އާއި އަސްލަމް އިންނެވިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. އެމީހުންގެ އިތުރުން ކައިރި ދެތިން އަވަށްޓެރިންވެސް ސަމީރާމެންގެ ގާތުގައި ތިއްބެވެ. ލައްޕާފައި ހުރި ކޮޓަރީގެ ދޮރުމަތީ ކަމަކަށް އިންތިޒާރުކޮއްކޮއް ތިބި ބަޔަކު ފަދައިންނެވެ. ސަމީރާ އަސްލަމްއަށް ބަލާލާ ކޮންމެ ފަހަރަކު ބޯޖަހާލަނީ ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއޭ ބުނާ ފަދަ ގޮތަކަށެވެ.
“މަރުކަޒަށް ގެންދަންވީނު” އަވަށްޓެރި ޒާހިޔާ ޚިޔާލު ފާޅުކުރިއެވެ.
“އެކަން ކުރަން މިހާރު އެތަށްޔާރުވަނީ، މަންމަވެސް ވެއްޖެ އެތެރޭގަ” ސަމީރާ އޮޅުން ފިލުވާދިނެވެ.
“އަޑުއެހިން ވެއްޓުނީއޭ… ކޮންއިރަކުތަ ވެއްޓުނީ” އެހެންމީހަކު އަހާލިއަޑުއިވުނެވެ.
“އިއްޔެ މަރުކަޒަށް ގެންގޮސްފަ އެތާތިބި ޑަކްޓަރުން ރަނގަޅޭ ބުނެގެންނޭ ގެއަށް ގެނައީ، މިއަދު ހެނދުނު ފެނުނީ އެހެންވެފަ އޮއްވަ، ޞިއްޙީމަރުކަޒުން މީހަކު އައިސްގެން އެތަށް އިރެއް ވެއްޖެ، އެއުޅެނީ ރަނގަޅު ނުކުރެވިގެން ހެން ހީވަނީ، މިހާރު އެއުޅެނީ އެކޮޅަށް ގެންދެވޭތޯ، ޒާހި، ދޭބަލަ ތިގޭ ފަރުހާދު ގޮވައިގެން އަންނަން، ބައްޕަ އާއި އަސްލަމްއަށް އެކަނި ދޮންތަނަގާ އަށިމައްޗަކަށް ނުލެވޭނެ” ސަމީރާ، ޒާހިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭނާވެސް އަވަސްވެގަތީ ސަމީރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
“ކޮބާތަ އެންބިއުލާންސްގެ މީހުންތައް، މީނަ އަވަހަށް ނެރެން އާދެބަލަ…” ކޮޓަރީގެ ދޮރު ސަމީރާގެ ދޮންމަންމަ އާރިފާ ހުޅުވާލި ގޮތަށް ބާރަށް ބުނެލިއެވެ. އެއަޑުގައިވެސް ވަނީ ހާސްކަމާއި ކަންބޮޑުވުމެވެ.
“އެކޮއެ… ދައްތައަކަށް މިސޮރު މަސަލަސްކުރެވޭ ވަރެއްނުވި، ބޮޑާހާކާވަރުން ކެތްނުވެގެން މިގެނައީ” ގޭތެރެއަށް ވަދެގެން އައި އުމުރުން ދުވަސްވެފައި ހުރި އަންހެނެއް ސަމީރާއަށް ވާގޮތަށް ބުންޏެވެ. ހާސްކަމުގައި ހުރެ ސަމީރާ އަވަސް އަވަހަށް ގޮސް މަރީނާގެ އަތުގެތެރޭގައި އިން ކުޑަކުޑަ ފިރިހެން ކުއްޖާ އުރާލައިފިއެވެ.
ނިތްކުރިން ފައިބަމުން ދިޔަ ދާތިކިތަކާއިއެކުވެސް އެކަކަށްވެސް ހޫނުކަމުގެ އިޙްސާސް ކުރެވޭ ހެނެއް ހިޔެއްނުވެއެވެ. ބޮޑު އަށިމަތީގައި ތިބި ސަމީރާގެ ބައްޕަ އާއި އަސްލަމް އެމްބިއުލާންސްގައި ތިބި އެހީތެރިން ގޮވައިގެން އައިސް ގެއަށްވެންނެވިއެވެ. އެމީހުނާއިއެކު ޒާހިޔާގެ އެއްބަނޑު ކޮއްކޮ ފަރުހާދުވެސް އައެވެ. ހުރިހާ ފިރިހެނުންވެގެން ހަށިގަނޑުން ވަރުގަދަ ޝާދިޔާ އުފުލާލައިގެން ކޮޓަރިން ބޭރުގައި ހުރި ބަލިމީހުންލާ އަށިގަނޑުމައްޗަށް ލައިފިއެވެ. ޝަރުމީލާގެ ލޮލުން ކަރުނަ ފާއްދާލުމާއިއެކު އޭނާ ދެލޯ ފޮހެލިއެވެ. ސަމީރާގެ ކިހިލީގައި އިން ކުޑަކުއްޖާ އާއިއެކު އަވަހަށް ޝަރުމީލާ އާއި ގާތްވެލިއެވެ. ނުރޯށޭ ބުނާފަދަ ގޮތަކަށް އޭނާގެ ގައިގާ ސަމީރާ ފިރުމާލިއެވެ.
އެންމެން ހެން އެމްބިއުލާންސް އާއިއެކު ޞިއްޙީ މަރުކަޒާއި ދިމާލަށް ހިނގައިގަނެއްޖެއެވެ. އެމްބިއުލާންސްގައި ދިޔައީ ސަމީރާގެ ބައްޕަ އާއި އޭނާގެ ފިރިމީހާއެވެ. މަޑުމަޑުން ސަމީރާއަށްވެސް ރޮވުނެވެ. ދައްތަގެ ހާލާމެދު ކަންބޮޑުވެގެންނެވެ. އެނބުރި އެމީހުންގެ ގާތަށް އަންނާނެ ކަމުގެ އުންމީދު ކުޑަވެގެންނެވެ.
ޝާދިޔާއަކީ ސަމީރާމެންގެ ޢާއިލާގެ އެންމެ ދޮށީކުއްޖާއެވެ. ދެންތިބީ މެދަށްހުރި ސަމީރާ އާއި ހަގުކުއްޖާ ޝަރުމީލާއެވެ. ތިންއަންހެން ކުދިންނަށްފަހު މަންމަ ދުނިޔެ އާއިވަކީ ޝަރުމީލާގެ ފުރާވަރަށްއެޅިތަނާއެވެ. ބައްޕަ ނަސީމު ހުވަފަތްވެފައި އިން އާރިފާ އާއި އިނީ ގާތްއެކުވެރިޔާގެ ޙިޔާލު ޤަބޫލުކޮއްގެންނެވެ. ތިންކުދިން ހީކުރި ގޮތާއި ޚިލާފަށް އާރިފާވީ ދަރިއަކުނެތް ހެޔޮލަފާ އަންހެނަކަށެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން އައީ ކުދިންނަށް އެއްވެސް ކަމެއް ނުޖައްސައެވެ. އަދި ހުރިހާ ކުދިންވެސް އާރިފާދެކެ ލޯބިވެއެވެ. މަންމަނެތްކަމުގެ ފަޅުކަން ފިލާދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
ޝާދިޔާއަކީ ހުރިހާ ކުދިންގެ މައްޗަށް ބަސްކިޔާ، ހެޔޮ ނުބައި އަންގައިދޭ ކުއްޖާއެވެ. އެކަމަކު އޭނައަށްވެސް ކަމަކަށް އާދަވެވުނީ އެކަމަކުން ދުރުވުން އުނދަގޫ ކަމަކާއެވެ. ކާއެއްޗިއްސަ އޭނަހާ ދޯޅު އެހެން ކުއްޖަކު އެގޭގައި ނުހުންނާނެއެވެ. އޭނާގެ ހިތްދަތިކަން ފޮރުވާ އެކަމަށް ޙައްލު ގެނެސްދޭ ބައިވެރިއަކީ ކާނާއެވެ. ތަފާތު ވައްތަރުތަކުގެ ކާނާ ކައިކައި މީހާ އެކޭ ހެޔޮވަރުވަރުގެ ރުނބައެކޭ އެއްވަރެވެ. އެކަން ކޮންޓްރޯލް ކުރުމަށް ނަސޭޙަތްދީ ދީ އެންމެންވަނީ ވަރުބަލިވެފައެވެ. ކޮލެސްްޓްރޯލް އެހާ މައްޗެވެ. ޕްރެޝަރު މަތިވެފައި ހަކުރު އެބަހުއްޓެވެ. ބޭހުގެ ހުރިހާ ޚަރަދުތައް އޭރުވެސް ބަލަހައްޓައިދެމުން ދިޔައީ ސަމީރާގެ ފިރިމީހާ އަސްލަމެވެ. ގިނަ ބޭހަކީ ރާއްޖޭން ލިބެން ހުންނަ ބޭސްތަކަށް ނުވާތީއެވެ.
ޝާދިޔާ އެއްފަހަރު ކެއުން ކޮންޓްރޯލު ކުރަން ވަރަށް މަސައްކަތް ކުރިއެވެ. އޭނާގެ ފިރިމީހާގެ ލޯތްބާއި އެއްބާރުލުމާއިއެކުއެވެ. އެހިތްވަރު އެލިގެން ދިޔައީ ޝާދިޔާގެ ފިރިމީހާ ނިޔާވި ޚަބަރު ލިބިގެންނެވެ. ރިސޯޓެއްގެ ލޯންޗުގެ ކައްޕިއެއްގެ މަޤާމުގައި ހުރެ، ޝާދިޔާގެ ފިރިމީހާ މަރުވެގެންވެސް ދިޔައީ ލޯންޗު އެކްސިޑެންޓެއް ހިނގައިގެންނެވެ. އެ ހާދިސާއަށްފަހު އަނެއްކާވެސް ޝާދިޔާގެ ކެއުން އިހުނަށްވުރެ ދެގުނަ އިތުރުކޮއްލިއެވެ. ސަމީރާއަށް އެނގިގެން ޝާދިޔާއަށް މިހާރު އެޖެހުނީ ތިންވަނަ ސްޓްރޯކެވެ. އެއްފަހަރު ހާޓްއެޓޭކެއްވެސް ވަނީ ޖެހިފައެވެ. ޅައުމުރުގައި ޝާދިޔާގެ ނިމުން އެގޮތަށް އައުމަކީ ޢާއިލާގެ އެކަކުވެސް ބޭނުންވާގޮތެއް ނޫނެވެ. އަލުން ދިރިއުޅުމެއް ފެށުމަށް ސަމީރާ އޭނާގެ ދައްތައަށް ހިތްވަރުދިނެވެ. އެހެންނަމަވެސް ޝާދިޔާ އެގޮތެއް ބޭނުމެއްނުވިއެވެ. ލިބުނު ހަމައެކަނި ދަރިފުޅަށްވެސް އަޅާލަން ވާވަރަށް އަޅާލެވެނީކީ ނޫނެވެ. މީހާ ބަރުހެލިވުމުން ހަރަކާތްތެރިވެ އުޅުމަށްވެސް އުނދަގޫވަނީއެވެ.
ސަމީރާއަށް ހީވިގޮތަށް އެދުވަހު މަރުކަޒުން ނެރުނީ ޝާދިޔާގެ ފުރާނަނެތް މަސްގަނޑެވެ. ހިނެވުމާއި ވަޅުލުމުގެ ކަންތައްތައް ނިންމާފައި އެންމެން ގެއަށް އައީ އަސުރުން ފައިބައިގެންނެވެ. އޭރު ސަމީރާގެ އަތުގެތެރޭ ގައި ކުޑަކުޑަ ނީލް ނިދާލާފައި އޮތެވެ. އެންމެންގެ ލޯތަކުން ކަރުނަ ނުހިކެއެވެ.
“އަސްލަމް، މީ ޝާދިޔައްތަ މިދުނިޔެއަށް ދޫކޮށް ދިޔަ އޭނާގެ ހަމައެކަނި ނިޝާނަކީ، މަންމަ އާއި ބައްޕަ އެވަނީ އުމުރުން ދުވަސްވެފައި، މިހާރު އެމީހުންގެ ގަޔަކު ކުޑަކުއްޖަކު ބަލާނެހާ ވަރެއްނުހުންނާނެ… ދެން ހުރީ ޝަރުމީލާ، އޭނާގެ ކިޔެވުން އެނިމުނީ އަދިކިރިޔާ، ދަރިއަކު ބަލާވަރަށްވުރެ ޝަރުމީލާގެ އުމުރު މާ ޅަ، ގޭގެ ކަންތައް ހުރި ގޮތަކީ މީ… މިކަން އެނގި ހުރެވެސް މިކުޑަކުއްޖާ މިގެއަށް އެމީހުންގެ އަތްމައްޗަށް ދޫކޮއްލާފަ ދާންވީތަ” ސަމީރާ ރޮމުން ވާހަކަދެއްކިއެވެ.
“ސަމީރާ، ޝާދިއްޔަތަގެ ހުރި ހަމައެކަނި ނިޝާނަށް މިކުއްޖާ ވީއިރު މަންމަމެން، އެމީހުންނާއި މިކުއްޖާ ވަކިވިޔަ ދޭނެތަ… އަހަރެން މިދަރިފުޅުގެ ޒިންމާ ނަގަން މިހިރީ ތައްޔާރަށް، ސަމީރާއަށްޓަކައި… އެކަމަކު މީ ވަރަށް ބޮޑު ޒިންމާއެއް، ސަމީރާގެ ޢާއިލާގެ މީހުންގެ ޚިޔާލު ހުރި ގޮތް އެހަށް އޮޅުން ފިލުވަން ފެނޭ” ފެންކަޅިވެފައި އިން އަސްލަމް ސަމީރާގެ ގާތަށް ޖެހިލައްވަމުން އޭނާގެ އަތުގެތެރެއަށް ސަމީރާގެންނެވިއެވެ. އަދި ލޯބިން ފިރުމާލައްވަމުން ވާހަކަދެއްކެވީ އެމީހުން ނިންމަން އުޅޭ ނިންމުމަކީ ހަމައެކަނި އެދެމަފިރިންނަށް ނިންމޭނެ ނިންމުމަކަށް ނުވާނެތީވެއެވެ.
ޝާދިޔާ ނިޔާވިތާ ދެދުވަސް ފަހުން ސަމީރާއަށް ކުޑަކުޑަ ނީލްގެ ވާހަކަ ހިފައިގެން އާރިފާ އާއި ބައްޕަ ނަސީމުގެ ގާތަށް ދާނެ ހިތްވަރު ލިބުނެވެ. އެކުއްޖާގެ މުސްތަޤްބަލާމެދު ސަމީރާ ވާހަކަދެއްކިއެވެ. މައިންބަފައިންނަށް ވިސްނާދިނެވެ. ދަރިއަކު ނެތި އުމުރުން ދުވަސްވެފައި އިން އާރިފާއަށް ސަމީރާގެ ވާހަކަ ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް ޝާދިޔާގެ ހަނދާންތައް އޭނާ އާއި ވަކިވެގެން ދާތީވެ އެކަމާ ހިތާމަކުރެއެވެ. އެހިތަށް ވަރަށް ފުންއަސަރުތަކެއް ކުރިއެވެ. ދަރިންހެން ބަލާ ބޮޑު ކުރިއިރު އެކުދިންގެ ތެރެއިން އާރިފާއަށް ލިބުނު ފުރަތަމަ މާމަ ދަރިފުޅެވެ.
ސަމީރާމެންގެ ދެމަފިރިން ރަށުން މާލެ އައުމަށް ފުރިއިރު ޝާދިޔާގެ ހަތަރު އަހަރަށް ދާ ނީލް އަސްލަމްގެ އުނގުގައި އިނެވެ. އެދަމަފިރިން އެއައީ އެކުއްޖާ އަމިއްލަ ދަރިއަކު ފަދައިން ބަލާނަންކަމަށް ވަޢުދުވެފައެވެ. މާލެ އައިސް ނީލްއަށް ބޭނުންވާނެ ހުރިހާ ކަމެއްހެން އަސްލަމް ހަމަޖެއްސިއެވެ. ސަމީރާ ބަލިވެނީނދެ ޅަދަރިމައިވީއެވެ. އޭނާ އެއްމާބަނޑު ދެބެންނަށް ބަލިވެއިނީ ދަރިއަކު ނުލިބިގެން ރާއްޖޭން ބޭރަށް ގޮސް ބޭސްކުރުމަށްފަހުއެވެ. އޭރު ނީލްއަށް ފަސްއަހަރު ފުރިއްޖެއެވެ. ކޮންމެ އަހަރަކުހެން މަންމަމެންގެ ހާލު ބެލުމަށް އެ ދެމަފިރިން ސަމީރާގެ ރަށަށް ދެއެވެ. ކުދިން ބޮޑެތިވެ ރާއްޖޭން ބޭރަށް މަތީ ތަޢުލީމް ހާސިލު ކުރަން ފުރުމުން އެދެމަފިރިންވެސް އެކަނިވިއެވެ. އެހެންނަމަވެސް ސަމީރާގެ މުސްކުޅިވެފައިވާ މައިންބަފައިންނާއި ވަދާޢުގެ ސަލާމް ކުރަން ޖެހުނީ ދެނެވެ. ފުރަތަމަ އާރިފާއެވެ. ދެން ނަސީމުއެވެ. އެއާއިއެކު ސަމީރާގެ ހަމައެކަނި ހުރި ކޮއްކޮ ޝަރުމީލާ މާލެ ގެނެސް އެގޭގައި ބެހެއްޓިއެވެ. އަސްލަމް އޭނާގެ އަނބިމީހާގެ ކޮންމެ ނިންމުމަކަށް ޤަދަރުކުރައްވައެވެ. އެއީ ސަމީރާއަކީ އުޅުންތެރި ރަނގަޅު އަންހެނެއްކަން އޭނާއަށް އެނގިލައްވާތީއެވެ.
މަޑު މަޑުން އެސްފިޔަ ތަޅުވާލުމަށްފަހު މެރިފައި އޮތް ދެލޯ އަސްލަމް ހުޅުވާލެއްވިއިރު ގާތުގައި އިން ނީލް އޭނާގެ އަތުގައި ފިރިމާލުމަށްފަހު އެކޮޓަރިން ނުކުތުމަށް ހިނގައިގަތީއެވެ. މިއަދު އަސްލަމް ޤަބޫލު ކުރައްވާ ގޮތުގައި އޭނާގެ ތިން ދަރިން އެބަތިއްބެވިއެވެ. އޭނާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކީވެސް އެތިންކުދިންގެ އެއްޗެހި ކަމުގައި ނޫނީ ނުވާނެއެވެ.
ދަންވަރުގެ ވަގުތެވެ. ނިތްކުރީގައި އަތްބާއްވާލާއިގެން އޮވެ ނަވާލު އޭނާގެ މޭގައި ފިރުމާލަ ފިރުމާލަ އޮތީ މިއަދު ހިނގާދިޔަ ކަންތައްތަކާއިމެދު ވިސްނާށެވެ. އޭނާގެ ގާތުގައި އިށީނދެލައިގެން މޯނާ އިންއިރު އޭނާ އިނީ އުނގުމަތީ ލެޕްޓޮޕް ބައިންދައިގެން ފޭސްބުކްއަށް ވަދެއެވެ. އޭރުވެސް އޭނާގެ ސަމާލުކަންވަނީ ފޭސްބުކްގެ ޗެޓު ކުރުމަށް ދެވިފައެވެ. ނަވާލަށް އަންނަމުންދާ ބަދަލުތައް މޯނާއަށް ރެއަކާވެސް ނުލައެވެ. މިފަހަކަށް އައިސް އަބަދުހެން މޯނާ ގާތު ޝަކުވާ ކުރާ ނަވާލު އޭނާ އުޅޭގޮތާއިމެދު ބަހެއް ނުބުނާތީ އެކަންވެސް އޭނާއަށް ފާހަގައެއް ނުކުރެވުނެވެ.
“މޯނާ އަހަރުމެންނާއިއެކު ދަންތަ” މޯނާއަށް ބަލާލުމެއްނެތި ނަވާލު އަހާލިއެވެ.
“ކޮންތާކަށް” މިހެން ބުނިއިރު މޯނާގެ ނަޒަރުވެސް ލެޕްޓޮޕުގެ ސްކްރީނާ ސިކުންތަކަށްވެސް ވަކިނުވެއެވެ.
“ބީބީގެ ބޭހަށް ރާއްޖެތެރެއަށް ދާއިރު، މޯނާ ބޭނުންނޫނިއްޔާ އަހަރެން ނޫޅެން ކޮންމެހެން ގަދަކަމުން ގެންދާކަށް، އެހެންވެ މިއަހާލީވެސް، ހިތަށްއެރީ މޯނާ ނުދާނެއޭ، އެކޮޅުގަ ދޮޅުމަހެއްހާ ދުވަސް ކޮއްފަ އަންނަ ވާހަކަ ދައްކަނީ، ފަހަރެއްގަ ދެމަސްވެސް ވެދާނެ، މޯނާ ފޫހިވާނެ އެހާ ދުވަހު ރާއްޖެތެރޭގަ އުޅެން” ނަވާލުގެ ވާހަކައިން އޭނާ ބޭނުންވަނީ މޯނާ ނުގެންދަންކަން ދޭހަވެއެވެ. އެހެންނަމަވެސް މޯނާއަށް އެވަރުވެސް ނޭނގުނެވެ. އޭނާ ނަވާލުގެ ވާހަކައަށް އެއްބަސްވިއެވެ.
“އަސްލުވެސް އަހަރެން ވަރަށް ފޫހިވާނެ، ރާއްޖެތެރޭގަ ނޯންނާނެ ކަމެއްވެސް، ބޭރަށް ފުރާނަމަތާ ދާނީ… ނަވާ، ސީރިއަސްކޮއްތަ އޯކޭ ތިދިނީ، ނަވާ އެކަނި އެކޮޅުގަ ގޮސް އުޅެލަފާނަންތަ” މޯނާ ކުޑަކޮށް ނަވާލާއި ދިމާލަށް އެނބުރިލަައިގެން އިނދެ ވާހަކަދެއްކިއެވެ.
“އޯކޭ މަށަށް، ޔޫ ކެން ސްޓޭ ހިއަރ… އެޓް ހޯމް، އެހެންވީމަ އަހަރެން މޯނާއަށް ޓިކެޓެއް ހަމައެއް ނުޖައްސާނަން” ނަވާލުގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.
“މައްސަލައެއްނެތް، މަށެއް ނުދާނަން… ތޭންކްސް ނަވާ، ތީ ވަރަށް އަންޑަރސްޓޭންޑިވް ހަޒްބަންޑެއް، ތެންކިއު ލަވް” މޯނާ ހިނިއައިސްފައި ނަވާލުގެ ނިތްކުރީގައި ބާއްވާލައިގެން އޮތް އަތުގައި ދޮނެއްދިނެވެ. ނަވާލު އެއްވެސް ފަރުވާލެއްނެތް ގޮތަކަށް މޯނާއަށް ފުރަގަސްދެމުން އެނބުރި ދެލޯ މަރާލީ ނިދާލުމަށެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހޭލި ގޮތަށް ނީލް އާއި ނާއިލުގެ ދެމަފިރިންގެ އިތުރުން ނަވާލު އާއި ލީލާވެސް ތައްޔާރުވަމުންދިޔައީ ފުރަންވާއިރަށް ފޮށިތައްޔާރު ކުރުމަށެވެ. ޝަބާއަށް އެހީވުމުގައި މީކާ އުޅެއެވެ. އޭނާވެސް އެމީހުންނާއިއެކު އެދަތުރުގައި ބައިވެރިވެއެވެ. ފޮއްޓަށް އަޅަމުންދިޔަ ނާއިލުގެ ކޮންމެ ހެދުމަކީ އޭނާ އަމިއްލައަށް އިޙްތިޔާރުކުރި އެއްޗިއްސެވެ. ބޮޑު ފޮއްޓެއްގެ ފުރައި އެއްޗެހި ހަމައެކަނި އޭނައަށް ތައްޔާރު ކުރެވުނެވެ. ޝަބާއަށް ބޭނުންވާނެ އެއްޗެހި އެޅީ ވަކިފޮއްޓަކަށެވެ. ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމާލެވުނީ ހެނދުނުގެ ނާސްތާއަށްފަހުގައެވެ. ފުރަން ހަމަޖެހިފައި އޮތީ މެންދުރުއެވެ. ނާއިލު އާއި ޝަބާގެ އެންމެ ފަހު ކަމަކަށްވީ ބަލިވެއުޅޭ ބައްޕަގެ ގާތަށް ގޮސް ސަލާމްކުރުމެވެ. ސަމީރާ ހުރިހާ ކުދިންގެ ފަހަތުން އެމީހުންނާއިއެކު ދޮރުމައްޗަށް ނުކުތެވެ. އަދި ލޮލުކޮޅަށް އޮބާލަންދެން މަގުމަތީ ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް އެހުރިހާ އިރުވީއިރުވެސް މޯނާއެއް ނުފެނުނެވެ. އެކަމާ ސުވާލުކޮއްލަން ހިތަށް އަރާފަވެސް ސަމީރާ ހަނދާންނެތުނީ ހުރިހާ އެންމެންހެން ފުރުމުގެ ކަންތަކުގަ ހޭބޯ ނާރާ އުޅޭތަން ފެނިފައެވެ. އަދި އޭގެ އިތުރުން އޭނާގެ ސަމާލުކަން ބޮޑަށްދެވިފައިވަނީ ނާއިލުއަށް ކަމަށްވީމައެވެ. މަޑުމަޑުން ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ. ނަވާލު އާއި މޯނާގެ ކޮޓަރި އާއި ހަމައަށް ގޮސް އެކޮޓަރީގެ ދޮރުގައި ހިފާލިއެވެ. އެއާއިއެކު ދޮރު ހުޅުވިއްޖެއެވެ. އެނދުގައި ނިދާފައި އޮތް މޯނާ ފެނުނެވެ. މޯނާއަށް ނަވާލު އާއިއެކު ނުދެވޭވަރުގެ މުހިންމުކަމެއް އޮވެދާނެބާއޭ ސަމީރާގެ ހިތަށްއެރިއެވެ. އަދި ނަވާލުވެސް މޯނާ ގެންދަން ބާރު ނޭޅީ ކީއްވެބާއޭ ހިތަށްއެރިއެވެ. ސަމީރާ އެކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ނަވާލު އާއި މޯނާ އަކީ ކިހިނެއްއުޅޭ ދެކުދިން ބާއޭ އޭނާގެ ހިތަށްއެރިއެވެ. މިހާދުވަސް ވީއިރުވެސް ސަމީރާ އެއްޗެއް ބުނަން ބޭނުންނުވީ ދަރިންގެ ދިރިއުޅުމަށް ފާޑުނުކިޔަންވެގެންނެވެ.
ފްލައިޓުގައި ކުރިދަތުރު ނިންމާލުމަށްފަހު ހުރިހާ އެންމެންނަށް ދެން އަރަން ޖެހުނީ ލޯންޗަށެވެ. އެރަށަށް ދިޔައީ ލޯންޗުގައެވެ. ފާލަމުގައި ޝަބާގެ ފައި ޖެހުމާއިއެކު އަވަހަށް ބަލާލެވުނީ ނާއިލުއަށެވެ. އޭރު މީކާ ނާއިލު އުފުލާލައިގެން ހުރެ އާދެއެވެ. ނީލްގެ އަތުގައި ނާއިލު އިންނަ ގޮނޑިއޮތެވެ. ލޯންޗުގެ ފަޅުވެރި ކުއްޖަކާއި ނަވާލު އާއި ދެމީހުންވެގެން ފޮށިތައް ފާލަން މަތީ ބަހައްޓަމުންދިޔައެވެ. ވިއްސާރަގޮތަކަށް އުޑުމަތި ދެއްކިއަސް ވާރޭއެއް އޭރަކު ނުވެހެއެވެ. މެންދުރުފަހުގެ ވަގުތުކަމަށްވިޔަސް އަވިވަނީ ނިވާލަފައެވެ. ފަޒާގައިވަނީ ތެތްފިނިކަމެވެ. ބީހިލާ ވައިރޯޅިތައް ވަރުގަދައެވެ. ޝަބާގެ ހެދުމުގެ ފަސްބައި ވަޔާތެޅޭއަޑު އިވެމުންދެއެވެ. ދެއަތުން ބުރުގާ ހިއްލިދާނެތީ އެކަންވިޔަ ނުދިނުމަށް ވަޔާއި ދެކޮޅަށް މަސައްކަތް ކުރަމުންދިޔައެވެ. ފުރޮޅުލީ ގޮނޑި ހުޅުވާލުމަށްފަހު ނީލް ގޮނޑީގައި ހިފަހައްޓާލީ މީކާ، ނާއިލު އެގޮނޑީގައި ބައިންދަންދެންނެވެ. އެއަށްފަހު ނީލް ކޮޅުކޮޅު ހޯދާބަލާލިއެވެ. އޭރު އެމީހުނާއި ދިމާލަށް އަންނަ ހިކި އިސްކޮޅުން ދިގު ފިރިހެނަކު ފެނުނެވެ. ޒުވާންކަމަށްވުރެ އޭނާގެ ގައިގާ ޖަހަނީ ހަރުވައްތަރެވެ.
“ހަލީމް” ނީލް ހިނިއައިސްފައި އެމީހާ އާއި ގާތްވުމުން ގޮވާލިއެވެ.
“އަޅުގަނޑަށް ދޯ ގަޑިއަށް ނާދެވުނީ، އަސްލު އޮފީހުގަ ކުއްލިއަކަށް ކަމެއްޖެހިގެން ނުނިކުމެވުނީ، އެހެންވެ ކިރިއާ މިއާދެވުނީވެސް” ހަލީމް ހިނިއައިސްފައި ވާހަކަދެއްކިއެވެ. ނީލް އޭނަ އާއިއެކު އައި ހުރިހާ އެންމެން ހަލީމްއަށް ތަޢާރަފްކޮއްދިނެވެ. އަދި އެމީހުންގެ ގާތުގައި ހަލީމްއަކީ އެރަށުގެ ކައުންސިލަރުކަމަށް ބުންޏެވެ. ނީލް އާއި ހަލީމްގެ ގުޅުން ފެނުމުން އެއީ ވަރަށް ގާތް ދެރަޙުމަތްތެރިންކަން ދެންތިބި މީހުންނަށް ނަގައިގަނެވުނެވެ. ނީލް، ނާއިލުގެ ވާހަކަ ހަލީމްގެ ގާތުގައި ދެއްކިއެވެ. އަދި ބޭސްކުރަން ބޭނުންވަނީ ނާއިލުއަށް ކަމަށް ބުންޏެވެ.
“ނީލް، އިރާދަކުރެއްވިއްޔާ ރަނގަޅުވެގެން މިރަށުން ފުރާނީ، ރަޒިއްޔާއަކީ ވަރަށް މޮޅު މީހެއް، މިހިސާބު ގަނޑުގަވެސް ނުހުންނާނެ އެވަރުގެ ބޭސްވެރިއެއް، މިއޮތީ އަހަރެން ގެނައި ޕިކަޕު މިދިމާގަ” ހަލީމް ކުޑަވަރެއްގެ ޕިކަޕެއް ދައްކާލިއެވެ. އަދި މިސްރާބު އެދިމާލަށް ބަދަލުކޮއްލިއެވެ.
ފޮށިތައް ޕިކަޕަށް އެރުވުމަށް މިފަހަރު ހަލީމްވެސް އެހީވިއެވެ. ޝަބާގެ ގާތުގައި ލީލާ މަޑުމަޑުން ހުއްޓެވެ. ދެމީހުންވެސް އެރަށަށް ފޭބިފަހުން އަނގައިން ބަހެއް އަދި ނުބުނެއެވެ.
“ޕިކަޕުގަތަ ދާނީ ގެއާ ދިމާލަށް، ނޫނީ ކާރެއް ގެންނަންތަ” ހަލީމް ނީލްއަށް ބަލާލަމުން އަހާލިއެވެ. އޭރު އެތަނުގައި އެރަށަށް އަރައިގެން އުޅޭ އެހެންބަޔަކުވެސް އުޅޭތަން ފެނެއެވެ. އެމީހުންވެސް ޕިކަޕަށް އަރާ ތަން ފެނުމުން ނީލްވެސް ޚިޔާލު ދިނީ އެގޮތަށެވެ.
ޝަބާއަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އެއްވެސް ޖެހިލުމެއްނެތި ލީލާ ޕިކަޕަށް އެރީ ވަރަށް ފަސޭހަކަމާއިއެކުއެވެ. ޝަބާ ދެކުނީ އެއީ އޭނާ ލާފައި ހުރި ހެދުމުގެ ގޮތުން ކަމުގައެވެ. ޖިންސަކާއި ގަމީސްކޮޅެއްގައި ހުރި ލީލާއަށް ފައިނަގަން ފަސޭހަވިޔަސް ޝަބާއަކަށް އެކަމެއްނުވިއެވެ. ހެދުން މާބޮޑަށް ހިއްލާލާކަށް ނުކެރުނެވެ. އެތަން ބަލަންއިން ނާއިލުއަށް ވަރަށް ރަނގަޅަށް ޝަބާއަށް ވެގެން އުޅޭގޮތް އެނގުނެވެ. އެހެންނަމަވެސް އޭނަވެސް އެހެންމީހުންނެކޭ އެއްގޮތަށް ޝަބާ ހަދާގޮތެއް ބަލަން އިނީއެވެ. ޝަބާގެ ގާތަށް ނަވާލު ޖެހިލިއެވެ. އަދި ޕިކަޕަށް އެރުމަށް އެހީވަންތޯ ބުނެލުމާއިއެކު ޝަބާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. ޝަބާ ޕިކަޕުގެ އަރިމަތީގައި ހުރި ބައެއްގައި ފައި އަޅުވާލާފައި ފިކަމުގެ މަތީ ދަގަނޑުގައި ދެއަތުން ހިފަހައްޓާލަމުން ޕިކަޕުގެ ތެރެއަށް އަނެއްފައި ލާން އުޅުނުވަގުތު ހެދުމުގެ ފަސްބައިގައި ދަތިއެޅިގެން ޕިކަޕުން ވެއްޓެން ދިޔައެވެ. އެވަގުތު ވަރަށް ބާރަށް ޝަބާއަށް ހަޅޭލަވައިގަނުވީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ގޮނޑީގައި އިން ނާއިލުވެސް ސިހިފައި ޝަބާގެ ނަމުން ބާރަށް ގޮވާލިއެވެ. ނީލް ކުރިއަށް ޖެހިލަންވާއިރަށް ޝަބާ އޮތީ ނަވާލުގެ އަތުގެތެރޭގައެވެ. ދެލޯމަރާބާރުކޮއްލެވުނު ޝަބާއަށް އޭނާ ހިފެހެއްޓި މީހާއަށް ބަލާލެވުނެވެ.
“ސޮރީ…” ޝަބާ އަވަސް އަވަހަށް ބުންޏެވެ. އޭރު އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދާކަން ނަވާލަށްވެސް އިޙްސާސްވާނެއޭ ހިތަށްއެރިއެވެ.
ނަވާލުގެ އަތުގެތެރޭގައި ޝަބާ ހިފަހައްޓާލައިގެން ހުރިއިރު އޭނާއަށް ޝަބާގެ ހަށިގަނޑު އިޚްސާސް ކުރެވިގެންދިޔައެވެ. ލާފައި ހުރި ބޮޑުހެދުމުގެ ތެރެއިންވެސް އޭނާއަށް މިހާރު އެހަށިގަނޑުގެ ބައްޓަން ވަކިކުރަން އެނގޭނެޔޭ ހިތަށްއެރުމާއިއެކު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
“ޝަބާ… އޯކޭތަ…” ނީލް، ނަވާލުގެ ގާތަށް ޖެހިލާފައި ޝަބާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެވަގުތު ނަވާލުވެސް އަވަސް އަވަހަށް ޝަބާ ބިންމަތީގައި ބަހައްޓައިފިއެވެ. ޝަބާ، ނީލް ބުނިއެއްޗަކަށް ބޯޖަހާލިއެވެ.
“ހަލީމް، އަހަންނަށް ފެންނަނީ ކާރެއް ގެންނަން، މިޕިކަޕު ފޮނުވާލާ ގެއާ ދިމާލަށް، އެކަމަކު ކާރަށް ހުރިހާ އެންމެނަކަށް ނޭރޭނެ، ނަވާ، ކޮއްކޮ ދާންވީނު ލީލާ އާއިއެކު ޕިކަޕުގަ” ނީލްގެ ޚިޔާލު ފާޅުކުރުމުން އެކަމާ ދެކޮޅު ހަދާކަށް ނަވާލަކަށް ނުކެރުނެވެ. މަޑުމަޑުން ބޯޖަހާލާފައި ޕިކަޕުގެ ފަހަތަށް އަރައިފިއެވެ. ހަލީމް ޕިކަޕުގެ ޑްރައިވަރު ގާތު ދާންވީ މަންޒިލުގެ ނަން ބުންޏެވެ. އަދި އެއީ ކޮން ހިސާބެއްކަން ކިޔާދިނެވެ. ޓެކްސީ އައުމުން އެއަށް އެރީ މީކާ އާއި ނާއިލުގެ ދެމަފިރިންނެވެ. ނީލް ދިޔައީ ހަލީމާއިއެކު އޭނާގެ ސައިކަލު ފަހަތުގައެވެ.
ބޭރުން ހުދުކުލައިގެ އުސްފާރެއް ލާފައި ދެބުރިއަށް ހަދާފައި ހުރި ގެއެއްގެ ކުރިމައްޗަށް ޝަބާމެން ކާރުން ފޭބިއެވެ. އެގޭގެ ބޭރުންވެސް ރީތިކަން ފެންނަން ހުއްޓެވެ. ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެއެއްކަން އެންމެނަށްވެސް ޤަބޫލު ކުރެވުނެވެ.
“މިގޭމީހުން ކޮބާ” ނީލްއަށް އަހާލެވުނެވެ.
“އެމީހުން އުޅެނީ މާލޭގަ” ހަލީމް ބުންޏެވެ. އަދި ގޭގެ ބޭރުފާރުގައި ހަރުކޮއްފައި ހުރި ދަގަނޑު ގޭޓު، ޖީބުން ނެގި ތަޅުދަނޑިން ހުޅުވާލިއެވެ. ފޮށިތައް ދަމަމުން އެންމެން އެއްކޮށް ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނުމަށް ދިޔައެވެ.
ބޮޑު ބޮޑު ސިޓިން ރޫމަކާއި އެއްފަރާތުގައި ހުރި ސިޑި ފެނުނެވެ. ސީލިންގުގައި މެދަށްވާގޮތަށް ވައްކޮށް ހުރި ބޮޑު ލައިޓެއް ހަރުކޮއްފައި ހުރިއިރު ދުރުދުރުގައި ސީލިންގެ އެތެރެއަށް ވާގޮތަށް ހުރި ކުދިކުދި ލައިޓުތަކެއް ހަރުކޮއްފައި ހުއްޓެވެ. ފާރުތަކުގައި ކުލަކުލައިގެ ކުރެހުންތައް ހަރުކޮއްފައި ހުއްޓެވެ. ބޮޑު ސޯފާސެޓު ހުރީ ފްލެޓް ސްކްރީން ޓީވީ އާއި ދިމާވާގޮތަށެވެ. ތިރީގައި ހުރީ އެންމެ ކޮޓަރިއެކެވެ. ނީލް ހަމަޖެއްސީ އެކޮޓަރި ނާއިލުމެންގެ ދެމަފިރިންނަށް ދިނުމަށެވެ. އެގޭގެ މަސްޓަރ ބެޑްރޫމަކީ އެއީއެވެ. ދެން ހުރި ކޮޓަރިތައް ހުރީ މަތީގައެވެ. މާލޭގައި މިހާރަކަށް އައިސް ހަދާފައި ހުންނަ އެންމެ މިޒަމާނުގެ ގެއެކޭ އެއްވަރެވެ. ހުރިހާ ކޮޓަރިތަކެއް ހުރީ އޭސީ ކުރެވިފއެވެ. އެހެންނަމަވެސް ފާޚާނާތަކުގައި ބިލިނގާއެއް ނެތްކަމަކު، އެއްވެސް ފާޚާނާ ކުޑައެއްނޫނެވެ.
“މިހާރު ދެން ހަވީރު ވަނީނު، ހަވީރުގެ ސައި އޮތީ އަޅުގަނޑުމެންގެ ގޭގަ، ސައިބޮއެގެން ރައްޒިއްޔާގެ ގާތަށް ދާނީ، ނީލް، ދެން އެންމެ ރަނގަޅުތަށް އަޅުގަނޑު އޮފީހަށް ގޮސްލިޔަސް” ހަލީމް އޭނާގެ ޒިންމާމަތިން ހަނދާނެއްނުނެތެވެ.
“މިހިސާބުން ދެން އަޅުގަނޑުމެން ހުރިހާ ކަމެއް ހަމަޖައްސާލަ ފާނަން، ހަލީމް އޮފީހަށް ދޭ، އަންނަންވާއިރަށް އަޅުގަނޑުމެން ތައްޔާރުވެގެން ތިބޭނަން” ނީލް ހީނލާފައި ހަލީމްގެ ކޮނޑުގައި ޖަހާލިއެވެ.
މީކާ ނާއިލުމެންނާއިއެކު ވަނީ އެމީހުންގެ ކޮޓަރިއަށެވެ. އޭނާއަށް އެއްވެސް ކަމެއް ބޭނުންވެދާނެކަމަށް ހީކޮށެވެ. ނާއިލުގެ ފޮށި ދަމަމުން ގެންގޮސް ކޮޓަރިއަށް ވެއްދީ ޝަބާއެވެ. އަދި އެނބުރި އައިސް އޭނާގެ ފޮށި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އޭރު ސިޓިން ރޫމުގައި ހުރީ ހަމައެކަނި މީކާގެ ފޮއްޓެވެ.
“ނާއިލު، އެއްވެސް ކަމެއް ބޭނުންތަ” މީކާ އަހާލިއެވެ.
“މިވަގުތަކު ނޫން، ޝަބާ މީކާގެ ފޯނަށް ގުޅާނެ ކަމެއް ބޭނުންވެއްޖެއްޔާ، މީކާވެސް ދޭ ކޮޓަރިއަށް ހަމަޖެހިލަން” ނާއިލު މިހެން ބުނެލީ އިނގިރޭސި ބަހުންނެވެ. އިތުރު ސުވާލެއް ނެތި މީކާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ފޮށިތައް ހުޅުވަން އުޅުނު ޝަބާއަށް ނާއިލު ގޮވާލީ އެވަގުތުއެވެ.
“ޕިކަޕުން ވެއްޓުނު ވަގުތު އެއްވެސް ތަނަކަށް ތަދުވިތަ” ނާއިލުގެ އަޑުގައިވި ކަންބޮޑުވުން ޝަބާއަށް ފާހަގަ ކުރެވުނެވެ.
“ނޫން، އެއީ މިހެދުމުގެ ގޮތުން ދަތިއެޅުނީ، އަހަރެން ހިއެއްނުކުރަން ނާއިލުމެން އަހަރެން ޕިކަޕަކަށް އަރުވަފާނެކަމަށް” ޝަބާ ހިނިތުންވެލިއެވެ. ނާއިލުއަށް އެޖަވާބުން ހިތްހަމަޖެހިލެވުމާއިއެކު އޭނާއަށްވެސް ހިނިތުންވެލެވުނެވެ.
“ތުއްތޮން ބުނިހެން ޝަބާއަށް ހީވޭތަ އަހަރެން ރަނގަޅުވެދާނެހެން” ނާއިލު އަހާލީ ވަރަށް ސީރައަސް ވެފައި އިނދެއެވެ.
“ކީއްވެ ރަނގަޅު ނުވާންވީ، ބޭސްހަދާ މީހަކީ ވަރަށް މޮޅު މީހެކޭ ނީލްބެގެ ފްރެންޑު އެބުނީ، މޮޅު މީހަކު ލައްވާ ބޭސްކުރުވުމުންވެސް އިރާދަކުރެއްވިއްޔާ ރަނގަޅުގޮތެއް ވެދާނެ، އެކަމާ ދެން އެހާ ބޮޑަށް ނުވިސްނާ، ޝިފާދެއްވަވާ ފަރާތާމެދު އިތުބާރު ކުރޭ” ޝަބާ ފޮށިތަކުގައި ހުރި އެއްޗެހި އަލަމާރިއަށް ލަމުން ވާހަކަދެއްކިއެވެ.
ނާއިލުވެސް ބޭނުންވީ ޝަބާ ބުނިއެއްޗެއް ޤަބޫލުކޮއްލުމަށެވެ. އަދި އެއްޗެއް ނުބުނެ ޝަބާގެ ހަރަކާތްތަކަށް ބަލަންއިނެވެ. ނާއިލުގެ ފޮށީގައި ހުރި ހުރިހާ އަންނައުނެއް އަލަމާރީގައި ތަރުތީބުކޮށް އަޅުވާނިމުމާއިއެކު ޝަބާ އަދިވެސް އެއްފަހަރު ބަލާލީ ހުރިހާ އެއްޗެއްވެސް ހުރީ އެހުންނަންޖެހޭ ގޮތަށްތޯއެވެ. އެއަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލަމުން ކޮޓަރީގައި ހުރި ކުޑަ ފޮތް ހަރުގަނޑުގެ މަތީ ނާއިލުގެ ބޭސްތަށް އަޅާފައި ހުރި ރަބަރު ފޮށި ބެހެއްޓިއެވެ. އެއީ މީކާއަށް އޭތި ހޯދަން ފަސޭހައަކަށެވެ. ޝަބާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ކުރަންބޭނުންވި ކަންތައް ދަތިކަމެއްނެތި ވަރަށް ފުރިހަމައަށް ކޮށް ނިންމާލެވުމުންނެވެ.
“ނާއިލު، މާބޮޑަށް ހަވީރު ނުވަނިސް ފެންވަރާލަންވީނު، އޭރުން ދަތުރުގެ ވަރުބަލިކަން ފިލާ، މީހާ ތާޒާވެލާނީ… އަހަރެން މީކާއަށް ގޮވަންތަ” ނާއިލު އާއި ކުރިމަތިލި ޝަބާ ބުނެލިއެވެ.
“ޝަބާގެ އެއްޗެހި ފޮށިން ނުނަގަންތަ؟ އަހަރެންގެ ހުރިހާ ކަމެއް ތިކޮށް ނިންމާލީ، އެކަމަކު ޝަބާގެ އެއްޗެހި އަލަމާރިއަކަށް ނުލަމެންނު، އެކަންކޮށް ނިންމާފަ، އޭގެ ފަހުގަ މީކާއަށް ގޮވާނީ” ނާއިލު ބުނެލިއެވެ. ޝަބާއަށް އެގޮތްވެސް ކަމުދިޔައެވެ. ކޮޓަރީގައި ހުރި އަލަމާރިއަކީ ނާއިލުގެ ކޮޓަރީގައި ހުންނަވަރުގެ ބޮޑު އަލަމާރިއަކަށް ނުވާތީ ނާއިލުގެ އެއްޗެހި ހުރިބައިގައިވެސް ޝަބާގެ ބައެއް ހެދުމާ ބުރުގާތަށް އަޅުވަން ޖެހުނެވެ. އެކަމާ ނާއިލު އެއްވެސް ޝަކުވާއެއް ނުކުރާތީ ޝަބާވެސް ފަރުވާލެއް ނުބެހެއްޓިއެވެ.
“އަހަރުމެން މިގެއަށް މިއައީ ވަރަށް ދުރުން ލާފަ، އެކަމަކު މިގެ މިހިރީ މޫދު ފެންނަ ހިސާބުގަ، ގެއަށް ވަންނަނިކޮށް މިމަގު ކޮޅުން މޫދުގެ ލޮނުގަނޑު އަހަންނަށް ފެނުނު، ފަޅުވެސް ހާދަ ބޮޑޭ، އަހަރެން ހަނދާނެއް ނެތް ރާއްޖެތެރެއަށް ދަތުރެއް ކުރި ހަނދާނެއް، މުޅިންވެސް މަޖާކޮއްލަންވެސް ދެވެނީ ރާއްޖޭން ބޭރަށް…” ނާއިލު، ޝަބާ އާއި ވާހަކައެއް ފެއްޓޭތޯ މަސައްކަތްކުރަމުންދިޔައެވެ.
“ރާއްޖެތެރޭ މާހިއްފަސޭހައެންނު… މަންޒަރުވެސް ވަކި ހަޑިއެއްނުވާނެ، މައްސަލައަކީ އެމީހަކު ދެކޭ ގޮތް، ކޮންމެ އެއްޗެއްގެ ރީތިކަމަކީ ހުރިހާ އެންމެނަށް ފެންނާނެ އެއްޗެއް ނޫން، އެރީތި ކަން ދެނެގަންނާނީ އެމީހަކު އަމިއްލައަށް، އަދި އެނގޭތަ، ތިމާއަށް އެތަނަކުން ފެންނަ ރީތިކަމަކީ އަނެކާއަށް ފެންނަ ރީތިކަމަށް ނުވުންވެސް އެކަށީގެންވޭ… ނޫންތަ؟” އަލަމާރި ލައްޕާލި ޝަބާ ނާއިލުއަށް ބަލާލަމުން އަހާލިއެވެ.
“ޝަބާ ވަރަށް މޮޅު، ވިސްނުން ވަރަށް ރަނގަޅުހެން ހީވޭ… ރާއްޖޭން ބޭރުގައި ރީތި އެތަށްތަނެއް ހުރޭ، އެކަމަކު މިކަހަލަ ރަށަކަށް އާދެވުނީމަ ކުރެވޭ އިޙްސާސްތައް ތަފާތު” ނާއިލު ހީނލިއެވެ. އެދެމެދުގައި އޮތް ގުޅުން ގާތްވަމުން ދާކަން އެދެމީހުންނަށް އިޙްސާސެއް ނުކުރެވެއެވެ. ދެމީހުންވެސް ވާހަކަދައްކަމުން ދިޔައީ ދެރަޙްމަތްތެރިންގެ ގޮތުގައެވެ. އެކަކު އަނެކަކުގެ ހިތަށް އަރާފާނެ އެއްޗަކަށް ސަމާލުކަމެއް ނުދީއެވެ. ކޮންމެ މީހެއްގެ ހިތުގެ އިޙްސާސްތައް ފޮރުވިފައިވަނީ އެމީހެއްގެ ހިތުގައެވެ. ދުލުން ބޭރުކުރަން ބޭނުންނުވަނީއެވެ. އެހެންނަމަވެސް ދެމީހުންވެސް އެކަކު އަނެކަކަށް ތެދުވެރިވާން ބޭނުންވެއެވެ.
ހަވީރުގެ ސައިގެ ކަންތައްތައް ހަލީމުގެ ގެއިން ނިންމާލުމަށްފަހު އެންމެން އެކުގައި ހެން ދިޔައީ ރަޒިއްޔާމެންގެ ގެއަށެވެ. އޭނާ އާއި ހުރިހާ އެންމެން ސަލާމް ކުރުމަށްފަހު، ވާހަކަދައްކާލަން އެތެރެއަށް ވަނީ ނާއިލުގެ ދެމަފިރިންނާއި، ނީލް އާއި އޭނާގެ ރަޙުމަތްތެރިޔާ ހަލީމެވެ. އަދި މީކާއެވެ. ލީލާ އާއި ނަވާލު ތިބީ ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައެވެ. ހަވީރު ގަޑިއަށް އެރަށުގައިވެސް މީހުން އުޅޭކަން އެނގުނެވެ. ކުޑަކުދިން ގޮވައިގެން ނިކުމެ އުޅޭ މީހުންނާއި އަދި ޒުވާން ފުރައިގެ ދެޖިންސުގެ ކުދިން ނިކުމެ އުޅޭތަން ފެންނަމުންދިޔައެވެ. ރަށު ކުދިން ބަލާތީވެ އެކަމާ ލީލާ އިނީ ކުޑަކޮށް ލަދުގަނެފައެވެ. އެހެންނަމަވެސް ރޭބަން އައިނު އަޅާލައިގެން ޖޯލީގައި ހަމަޖެހިލައިގެން އޮތް ނަވާލު ދިޔައީ އެހެންލާފައި ދާކުދިންނަށް ވަރަށް ރަނގަޅަށް ބަލަމުންނެވެ. އެއްފައި ޖޯއްޔަށް ހިއްލާލައިގެން ބޯދަށަށް އެއްއަތް ލައްވާލައިގެން އޮތްއިރު އޭނާއެކޭ މޮޑެލް ކުރާމީހެކޭ އެއްވަރެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ދެލޯ ބޮޑުކޮށްކޮށްފައި ބަލަނީ ނަވާލުގެ ކަސްރަތީ ހަށިގަނޑަށްކަން ގައިމެވެ. ގަޔަށް ބާރުވެލާފައިހުރި ޓީޝާޓާއި ލައިގެން އޮތް ޖިންސުން އޭނާގެ ސްޓައިލު މިޒަމާނުގެ ކުދިންނަށް ވަރަށް ކަމުދާނެކަން ޔަގީނެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން އަރައިގެން ހުރި ފައިވާނަށް ދަންދެން ބަލާނުލާ އަންހެން ކުއްޖަކު ރަޒިއްޔާމެންގޭ ކުރިކަނޑާނުލައެވެ. ލީލާއަށްވެސް އެކުދިންގެ ނަޒަރުތައް އަމާޒުވަނީ ނަވާލަށްކަން އެނގެން ގިނައިރެއް ނުނެގިއެވެ.
“އަހަރެން ކަންވީގޮތް އެނގެން ބޭނުންވަނީ ބޭސްކުރަން އައި ކުއްޖާގެ ފަރާތުންނެއް ނޫން، އަނެއްކޮޅުން ވެފަ ހުރިގޮތެއް އެއްކޮށް ނޭނގިވެސް ބޭސްކުރާކަށް ނުފެށޭނެ، މިތަނުގަ އެކަންވީގޮތް ކިޔާދެވޭނެ މީހަކު ނެތްތަ” ރަޒިއްޔާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ.
“އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކިޔާދީ ފާނަން” ނީލް އަވަސް އަވަހަށް ބުންޏެވެ.
“އެހެންވީރު މީނާ އެހަށް ބޭރަށް ނެރޭ” ރަޒިއްޔާ އިޝާރާތްކޮއްލީ ނާއިލުއަށެވެ. ހައިރާންކަން ވެރިވެފައި އިން ޝަބާ ތެދުވުމުން މީކާވެސް އޭނާ އާއިއެކު ތެދުވެއްޖެއެވެ.
“ޝަބާ މަޑުކުރޭ، މީކާ، ދޭ ނާއިލު ގޮވައިގެން ބޭރަށް” ނީލް ބޭނުންވާގޮތް ހާމަ ކުރިއެވެ. އޭނާ ޤަބޫލު ކުރިގޮތުގައި ނާއިލުގެ މައްޗަށް އެންމެ ބޮޑު ހައްޤެއް މިހާރު އޮންނާނެ މީހަކީ އޭނާގެ އަނބިމީހާއެވެ. ނާއިލު އާއި ދޭތެރޭ ކަމެއްނިންމާއިރު ޝަބާ އެތަނެއްގައި ހުރުން ވަރަށް މުހިންމެވެ. ޝަބާ އިންތަނުގައި އިށީނުމާއިއެކު ނީލް ބަލާލީ އެގޭދޮރުން ބޭރަށް ނުކުންނަން ދިޔަ މީކާ އާއި ނާއިލުއަށެވެ. އެމީހުންނަށް ނުކުމެވުމާއިއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.
“މީ ވަރަށް ޒަމާންވެފަ ހުރި ކަމެއް، ރާއްޖޭން ބޭރުން ވަރަށް ގިނަ ފަރުވާ ކުރެވިއްޖެ…” ނީލް ވާހަކަ ފެށީ ރަޒިއްޔާ ބޭނުންވި ހިސާބުން ނޫންވީމަ އޭނާ ވާހަކަ މެދުކަނޑާލިއެވެ.
“މިހެންވާންވީ ސަބަބު އަހަންނަށް ބުނެދޭންވީ، އޭނާ އެގޮނޑީގައި އިނުމަކީ ގުދުރަތީ ކަމެއްހޭ ނޫނީ ބައްޔަކުންހޭ، ނޫނިއްޔާ އޭނާއަށް ދިމާވި ކަމެއްހޭ މީ” ރަޒިއްޔާ ބުނެލިއެވެ.
“މީ ހިނގި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް، ނާއިލު ހުރީ ރާއްޖޭން ބޭރުގަ، އޭރު އަޅުގަނޑުމެންގެ ގެ ހުރީ ހަދަންފަށާފަ، ގެއެއްކޮށް ނުނިމެނިސް ނާއިލު މާލެ އައީ، ޗުއްޓީއެއްގަ… އެނބުރި ފުރާގޮތަށް، އެކަމަކު އޭނާގެ ތަޤްދީރުގައި ލިޔުއްވާފައިވީ އެގޮތަކަށް ނޫން، ރައްޓެހިކުދިންނާއި ނާއިލުގެ އެއްމާބަނޑު ކޮއްކޮ އާއިއެކު އުޅުނީ، ހަދާނުނިމޭ ގޭގެ އަށްވަނަ ފަންގިފިލާ މަތީގައި، އެމީހުން އެތަނުގައި ސަކަރާތްޖަހަނިކޮށް ނާއިލު ވެއްޓުނީކަމަށް އެކުދިން ބުނީ، އެމަންޒަރު ފެނުނު މީހަކަށް ތިބީ ނާއިލުގެ ކޮއްކޮ އާއި އޭނާގެ ރަޙުމަތްތެރިން، އަޅުގަނޑަށްވެސް ފެނުނީ ހަރަކާތް ކެނޑިފައި އޮތް މަސްގަނޑެއް، ލޭނޫން އެހެން އެއްޗެއް ނުފެނޭ… ދަތުރު ކުރެވޭ ވަރު މިކޮޅުން ކޮއްދިނީމަ އަވަހަށް ފުރީ ރާއްޖޭން ބޭރަށް، އެންމެ ގިނަ މުއްދަތަކަށް ބޭސްކުރުމަށް ތިބެވުނީ އެމެރިކާގަ، ކޯމާ އެއްގަ އަށްހަފްތާވާންދެން އޮވެފަ ލޯހުޅުވާލީ، އަބަދުހެން ތަދުކަނޑުވާ ބޭސް ދީގެން ބާއްވަން ޖެހުނީ، ރަނގަޅު ކުރެވުނީ ވަރަށް ދުވަހުން، ﷲ ގެ ކުޅަދުންވަންތަކަން އެއީ ހުރިހާ ކަށިތަކަށް އެނގުންވީއިރުވެސް މައިބަދަ ސަލާމަތްވިކަން، ޑޮކްޓަރުންވެސް ބުނީ އެއީ އަޖައިބެކޯ، އެހާ މަތިން ވެއްޓިޖެހޭއިރު މައިބަދައަށް އަސަރު ކުރާނެކަމަށްވަނީ…” ނީލްގެ ވާހަކަ ދެންވެސް މެދުކަނޑާލީ ރަޒިއްޔާއެވެ.
“މައިބަދަ ރަނގަޅިއްޔާ ކީއްވެތަ އޭނާ ގޮނޑީގަ އިންނަން ޖެހެނީ، އަނެއްކާ ތިބުނީ ރަނގަޅު ކުރެވުނު ވާހަކަ” ރަޒިއްޔާއަށް ވިސްނާލެވުނެވެ.
“ލިބުނު ޝޮކު އަދިވެސް ފިލައިގެން ނުދަނީ، ލިފްޓެއް ކީއްކުރަން ސިޑިއަކުންވެސް މައްޗަށް އަރުވަފާނެތީވެ ބިރުގަނޭ، ފްލައިޓްގަ ޢާއިލާ މީހުންނާއި ނުލާ ދަތުރެއް ނުކުރޭ، ފިޒިއޯ ހަދަން ބުނެފަ އޮންނަނީ، އެކަމަކު ކުޑަކުއްޖެއް ނަމަތާ ގަދަކަމުން ހަދުވާނީ، ބޮޑުވެފައި ހުރި މީހަކު ލައްވާ ގަދަ ކަމުން ހަދުވާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ، ޑޮކްޓަރުން ބުނި އެގޮތަށް ގިނަދުވަހު އިންނަ ކަމަށްވަންޏާ ނާރުތަކުގެވެސް ބާރު ދައްވަމުންނޭ ދާނީ، ކައްޓަށް ލިބުނު ގެއްލުމެއްވެއްޖެއްޔާ މިހާރު އެހެރީ ރަނގަޅުވެފައޭ، ދެން ޑޮކްޓަރުން އެބުނާ ކަސްރަތުތައް ކުރަން ޖެހޭނީ ކިހާ ދުވަހަކުކަމެއް އެމީހުންނެއް ނުބުނޭ، ބުނިހާވެސް އެއްޗަކީ އެހަދަންފެށުމުން ނާއިލުއަށް ހަރަކާތްކުރެވޭނެޔޭ، ޑޮކްޓަރުންވެސް ބުނަނީ ނާއިލުގެ މިހާރު އެހެރީ ސައިކޮލޮޖިކަލް މައްސަލައެކޭ، އޭނާ މާ ބިރުގަންނަނީއޭ، އަނެއްކާ ހަރަކާތްކުރުމަށްވެސް ބާރުނާޅަނީކަމަށް، ހަށިގަނޑަށްވެސް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ތިމާ ދޭން ޖެހޭނެ ކަމަށް، އަޅުގަނޑަކަށް ނުވިސްނުނު އޭނާއަށް ހައްލެއް ހޯދާދެވޭނެ ގޮތެއް، އިތުރަށް ބޭސް ކުރަންވެސް އޭނާ ހުރީ ބޭނުންނުވެފަ… ވަރަށް ބޮޑު ނަސީބެއްމީ މިދަތުރު އަންނަން އޭނާ ބޭނުންވިކަން، މިކަމުންވެސް އޭނާއަށް ކޮންމެވެސް ބަދަލެއް އަތުވެދާނެއޭ ހިތާ ރަޒިއްޔާގެ ގާތުގައި ބޭސްކޮށްދިނުމަށް އެދުނީ، ނާއިލުގެ މަންމަ އާއި ބައްޕަވެސް ލަހެއްނުވެ މިކޮޅަށް ދުރުވާނެ، އެމީހުންވެސް ބޭނުންވެލައްވަނީ ލަސްނުކޮށް ބޭސްކުރަން ފަށަން” ނީލް އޭނާގެ ޢާއިލާގެ އެދުން ހާމަ ކުރިއެވެ.
“މީހަކު ގަނެފައި ހުރި ބިރަށް ބޭސްކުރާކަށް އަހަންނަކަށް ނޭނގޭނެ، އެކަމަކު ތިބުނާގޮތުން އޭނާ މިހާދުވަސްވަންެދެން ހަރަކާތެއް ނުގެންނަ ކަމުގައިވާނަމަ، އޭނާގެ ހަށިގަނޑު ހުންނާނީ ވަރަށް ހަރުކަށިވެފައި، ޑޮކްޓަރުން ބުނާހެން ނާރުގެ މަސައްކަތްތައް ކުރުންވެސް ލަސްވާނެ، އަހަންނަށްވެސް މަސައްކަތް ކުރެވޭނީ، އޭނާ ރަނގަޅު ވޭތޯ އަހަރެން މަސައްކަތް ކޮށްދޭނަން، އެކަމަކު ހަނދާންކުރަންވާނެ، ޝިފާދެއްވާނީ ކޮންފަރާތަކުންނަށް” ރަޒިއްޔާ ވަރަށް ވިސްނާފައި ގޮތެއް ނިންމިއެވެ.
ދިގުހެދުން ލާފައި ހުންނައިރު ރަޒިއްޔާގެ ދެއަތްކުރި އަބަދުވެސް ފެންނާނީ އެއްވަރަކަށް މައްޗަށް އަރުވާލާފައި ހުއްޓައެވެ. އުމުރުން ދުވަސްވެފައިވިޔަސް އަދިވެސް އޮންނަނީ ވަރުގަދަ އިސްތަށިގަނޑެކެވެ. ކަޅު އިސްތައްޓަށްވުރެ ހުދު އިސްތަށިގިނަވެފައި ވިޔަސް އަބަދުހެން ހުންނާނީ ބޮލުމެދަށް ހުޅިއެއް ޖަހާލާފައެވެ. ކޮންމެ އިރަކު ފެނުނަސް ހީވާނީ މަސައްކަތުން އަވަދިވީ ހަމަ ދެންމެ ހެންނެވެ. މީހާ ކިތަންމެ ބޮޑުކޮށް ހުއްޓަސް ފަލަމީހެކޭ ނުބުނާނެއެވެ. ދިގު އިސްކޮޅާއިއެކު އޭނާއަކީ ހަރަކާތްތެރި އަންހެނެކެވެ. އުޑުފައިން އިނދެ ދައިން ފުނޑާލުމާއި، ގުދަށްއޮވެ ކުނިކެހުމާއި، އޮޅަށްދާ ރަޙުމަތްތެރިންނަށް ބޮނބިކޮޅެއް ތަޅާލަ ދިނުމަކީ އޭނާއަށް އެއްވެސް ކަމެއްނޫނެވެ. އިންތާ އިނދެ ތިންހަތަރުގަނޑު ފަންވެސް ވިޔެލަފާނެއެވެ. އެކަމަކު އޭނާ މަޝްހޫރުވެފައިވަނީ އެންމެ ކަމަކުންނެވެ. ދިވެހިބޭސް ހެދުމުގައެވެ. އެއީ އޭނާގެ ކާފަގެ ފަރާތުން ވާރުތަވެ، ހުދު ކާފަ އޭނާއަށް ދަސްކޮއްދިން ކަމެކެވެ. އުޖޫރައެއް ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރާ ހަމައެކަނި މަސައްކަތަކީވެސް އެއީއެވެ. މާމަ ދަރިންނާއިއެކު އެއްގެއްގައި ދިރިއުޅެމުން އަންނަ ހުވަފަތްވެފައިވާ އަންހެނެކެވެ. ރަށުގައި ރައްޓެހި ނޫން މީހަކު ނޫޅެއެވެ.
ރަޒިއްޔާ ނާއިލުގެ ބޭސް ފެށުމަށް ހަމަޖެއްސީ ދެދުވަސް ފަހުންނެވެ. އެއީ އޭނާއަށް ނާއިލުގެ ބޭސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށް ނެނގި މުއްދަތެވެ. ހުރިހާ ކަމެއް ތައްޔާރުވެގެން ނޫނީ ރަޒިއްޔާ ބޭސްކުރަން ފަށަން ބޭނުމެއްނުވާނެއެވެ. އަދި ހަމަޖެހުނީ ރަޒިއްޔާ ބޭސް ހިފައިގެން ނާއިލުގެ ގާތަށް އެގެއަށް ދާގޮތަށެވެ. އެއީ ރަޒިއްޔާގެ އެދުމުގެ މަތިންވެސް މެއެވެ.
މިދެދުވަސް ނާއިލުމެން ހޭދަކުރީ ރަށުތެރެ ބެލުމުގައެވެ. ހަލީމްއަށް އޮފީހުން ޗުއްޓީއެއް ނެގެންނެތުމުން އޭނާއަށް ނީލްގެ ގާތަށް އާދެވެނީ އޮފީސް ނިންމާފައެވެ. ރަށުގެ އެކިތަންތަން ބުނެދެވޭ ވަރުގެ ރަޙުމަތްތެރިއަކަށް ހުރީ އޭނާކަމަށްވީތީ ޚާއްޞަ ތަންތަން ބަލާލުމަށް އެންމެން ދަނީ ހަލީމް އޮފީސް ނިންމާފަ އެގެއަށް އައީމައެވެ. ލީލާ އޭނާގެ ރޯލު ގޭތެރޭގައި އަދާކުރަން ފެށިއެވެ. ގޭގައި އުޅޭ މެންބަރުންނަށް ގަޑިން ގަޑިންއަށް ކާން ހުންނަނީ ތައްޔާރުކޮއްފައެވެ. ލީލާއަށް އެހީތެރިކަން ފޯރުކޮއްދޭން ޝަބާވެސް ބަދިގެއަށް ވަދެއެވެ. ނަވާލު އެމީހުންގެ ގާތުގައި އިންނަ ވަގުތުތައް ވަރަށް ގިނައެވެ. ނީލް ގޮވާނުލަންޏާ އޭނާ ޝަބާ ނުފެންނަ ހިސާބަކަށް ނުދެއެވެ. ނީލްގެ ގިނަވަގުތު ހޭދަ ކުރަނީ ނާއިލު އާއި މީކާ އާއިއެކުއެވެ. ނާއިލު ފޫހިވެދާނެތީވެ އޭނާ އެކަމަށް ޚާއްޞަ ސަމާލުކަމެއްދޭހެން ހީވެއެވެ. އަދިވެސް އޭނާ ކަންބޮޑުވަނީ ނާއިލުގެ ޚިޔާލު ބަދަލުވެދާނެތީއެވެ. ބޭސްކުރަން ފަށާފަވެސް ހުއްޓާލާފަ މާލެ ދާން ބުނެދާނެތީއެވެ.
ރޭގަނޑު ކައިގެން ނާއިލު ބޭނުންވީ ބޭރަށް ނުކުމެލާށެވެ. އެމީހުން އެރަށަށް އެރީއްސުރެން ކޮންމެ ރެއަކުހެން ވާރޭ ވެހެއެވެ. އެކަމަކު ވާރޭ ވެހެން ފަށަނީ އެގާރަ ޖަހާކަން ހާއިރުއެވެ. އެހެންވެ އޭގެ ކުރިން ވާރޭ ނުވެހޭނޭ ކަމަށް ނާއިލު އިނީ ވަރަށް ޔަގީންކޮށްގެންނެވެ.
“މޫދާ ދިމާލަށް ދާއިރު، އެތާ ހުރި ބޮޑުގަހުގެ ދަށުގައި ޖޯލި ފަތިތަކަކާއި، ދިގުކޮށްހުރި ގޮނޑިތަކެއް ޖަހާފަ ހުއްޓެއްނު ތަނެއް، ހިނގާ އެތަނަށް ދަމާ” ނާއިލު ޙިޔާލު ފާޅު ކުރީ އޭނާ އާއިއެކު ކޮޓަރީގައި ހުރި ޝަބާއަށެވެ. ނާއިލު ބޭނުންވުމުން އެކަމެއް ކުރަންވީކަން ޝަބާއަށް ވިސްނުނެވެ. އެހެންވެ އޭނާ މީކާއަށް ގޮވަން އުޅުނެވެ.
“ޝަބާ އަހަރެން ގޮވައިގެން ގޮސްދީފާނަންތަ” ޝަބާ ފޯނު ނެގިތަނާހެން ނާއިލު ބުނެލިއެވެ.
މަޑުފަސްގަނޑުގައި ނާއިލުގެ ގޮނޑި ދުއްވުން ނުހަނު އުނދަގޫ ކަމަކަށް ޝަބާއަށްވިއެވެ. ނާއިލުގެ ބަރުދަނަށް ގޮނޑި ފަސްގަނޑުގެ ތެރެއަށް ވަންނަމުން ދާއިރު އެއްވަރަކަށް ހިފަހައްޓާލާނެ ބާރު ޝަބާގެ ދެއަތުގައި ނުހުރެއެވެ. އެހެންނަމަވެސް ހިތްވަރުކޮއްފައި ލެވުނު ބާރެއްލަމުން ނާއިލު ބުނި ތަނަށް ދިޔައެވެ. އަދި އެތަނުގައި ހުރި އެންމެ ދިގު ޖޯލިފަތީގެ ކައިރީ ނާއިލުގެ ގޮނޑި ކައިރިކޮއްލަމުން ނާއިލުގެ ގާތުގައި ހުރި ޖޯލީގައި ޝަބާ އިށީނެވެ.
“މިރޭ މޫސުން ރަނގަޅުނަމަ އުޑުގައި ވިދާ ތަރިތައް ބަލާލުމުގެ ނަސީބު ލިބޭނެ، މިއަދު މަހުން ކިތަކެއްތަ؟ ހަނދު ފެންނަން ހުރިނަމަ ވަރަށް ބޮޑުވާނެތަ؟” ނާއިލު އޭނާގެ ގޮނޑިއަށް ކަދުރާ ދޫކޮށްލައިގެން ގަހުގެ ފަތްތަކުގެ ތެރެއިން އުޑާއި ދިމާލަށް ބަލަހައްޓައިގެން އޮވެ ޝަބާ އާއި ވާހަކަދެއްކިއެވެ.
“ހަނދު މަހުން މިއަދު ކިތަކެއް ކަމެއް ނޭނގެ، އެކަމަކު އަދި އިރާދަކުރެއްވިއްޔާ މިރަށުން ފުރުމުގެ ކުރިން ނާއިލު ބަލާލަން ބޭނުންވާ ކަހަލަ ރެޔެއް ފެނިދާނެ، ރާއްޖެތެރޭގަ ރީތި ހަނދުވަރު ދީފަ އޮންނައިރު ވަރަށް ރީތިވާނެ ކަމަށް އަހަރެންވެސް އަޑުއެހިން، އެކަމަކު އަދި ލޮލުން ދެކިލާނެ ނަސީބެއް ނުލިބޭ” ޝަބާވެސް ނާއިލުގެ ވާހަކަ އާއި އެއްބައިވިއެވެ.
ނާއިލު ޝަބާގެ މޫނަށް ބަލާލިއެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ބުރުގާގެ ތެރެއިން އެ މޫނު ފެންނަނީ ކިތަންމެ ކުޑަކޮށްނަމަވެސް، އެމޫނުމަތީގައި ނާއިލު ޝައުގުވެރި ކުރުވާ އަސަރެއް އެކުލެވިފައިވިއެވެ. ފެންނަލެއް ތާޒާކަމާއި ވާހަކަ ދައްކާއިރު ޝަބާގެ ތުންފަތް ހަރަކާތްކޮއްލާ ގޮތްވެސް ނާއިލުއަށް ފާހަގަކުރެވެއެވެ. ހިތާހަމައަށް ބާރުފޯރުވާ ކަންކަން ކަމުގައި އެފަދަ ކުދިކުދި ހަރަކާތްތައް ވެއެވެ. ފަޒާގެ ފިނިކަމުގެ ތެރޭގައި ޝަބާގެ އަތުގައި ހިފާލައިގެން އިނުމަށް ނާއިލު ބޭނުންވެއެވެ.
“ޝަބާ އަހަންނަށް ތިހާ ރަނގަޅީ ކީއްވެތަ؟” ނާއިލު، ޝަބާއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން އިނދެފައި އަހާލިއެވެ.
“އެއީ މައްސަލައެއްތަ، ދެމީހުން ކައިވެނިކޮއްގެން އުޅޭކަމުގަ ވަނީނަމަ އެކަކު އަނެކަކަށް ރަނގަޅުވެސް ވާންވާނެ، ނާއިލުވެސް އަހަންނަށް ގޯސްކޮށް ކަންތަކެއް ނުކުރަމެންނު” މައްޗަށް ބަލަން އޮތް ޝަބާ ނާއިލުއަށް ބަލާލާފައި ހީނލަމުން ވާހަކަދެއްކިއެވެ.
ނާއިލުވެސް ހިނިތުންވެލާފައި އަނެއްކާވެސް މައްޗަށް ބަލަންފެށިއެވެ. އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލު ތަކެއް އެނބުރެމުންދިޔައެވެ. އޭނާ ޝަބާގެ އަތުގައި ހިފާލައިފިނަމަ، ޝަބާ ކަންތައް ކުރާނީ ކިހިނެއްބާއޭ ހިތަށްއަރަމުންދިޔައެވެ. ނޫނީ ގެނެސް ގަޔާ ކައިރިކޮއްލައިފިނަމަ، ޝަބާ އޭނާ ދުރަށް ކޮއްޕާލާނެބާއޭވެސް ހިތަށްއެރިއެވެ. އެވަގުތު އޭނާގެ ޒަމީރު ހަޤީޤަތް އޭނާގެ ކުރިމައްޗަށް ގެނައެވެ. ޝަބާ އާއި ވީފަރާތުގައި އޮތް ނާއިލުގެ އަތް ހަރަކާތްކޮއްލުމަށް އޭނާ ބާރުލަމުންދިޔައެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަރުބަލިވުން ނޫންކަމެއްނުވިއެވެ. އެފަދަ ކޮންމެ ވަގުތަކު އޭނާގެ ނަފްސު ވަށާލަނީ އުންމީދެއްނެތް ނުތަނަވަސްކަމަކުންނެވެ.
“އަހަރެން ވާހަކައެއް އަހާލަންތަ؟” އިސްޖެހިފައި އިން ނާއިލުއަށް ބަލާލަމުން ޝަބާ ބުންޏެވެ.
“ކީކޭ…” ޚިޔާލުތަކުގެ ތެރެއިން ނުކުތް ނާއިލަށް އަހާލެވުނެވެ. އެއާއިއެކު ޝަބާ އޭނާ ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ.
“އަހަންތިއުޅެނީ އަހަރެންގެ މާޒީ އާއި ބެހޭގޮތުންތަ؟” ނާއިލު ޝަބާގެ ސުވާލަށް އާނއެކޭ ބުނުމުގެ ބަދަލުގައި ސުވާލުތެރެއިން ސުވާލެއްކޮއްލިއެވެ. އަދި ޝަބާގެ މޫނަށް ބަލަންފެށީ އޭނާގެ ޖަވާބެއް ބޭނުންވެފައި އިނދެއެވެ.
“ކީއްވެ އެއްޗެއް ނުބުނީ” ޝަބާ ހީނލާފައި އިސްޖަހާލިގޮތަށް އެއްޗެއް ނުބުނުމުން ނާއިލު ސުވާލު ކުރިއެވެ.
“ނާއިލުގެ މާޒީ އާއިމެދު އަހަރެން ސުވާލުކުރަން ބޭނުންނުވާކަން އެނގުނީމަ” ޝަބާ ޖެހިލުންކުޑަގޮތަކަށް ބުނެލިއެވެ. އެހާ ކެރިފައި ޖަވާބު ދިނީތީ ނާއިލުގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ.
“އަހަރެން ޝަބާގެ މާޒީ އާއި ބެހޭގޮތުން ސުވާލުކޮއްފިއްޔާ، ކިޔާދޭނަންތަ” ނާއިލު އަހާލިއެވެ.
“އަހަރެންގެ… އަހަރެންގެ މާޒީގަ މާބޮޑު ކަމެއް ހިނގާފައެއްނެތް” ޝަބާ ވިސްނާލާފައި ބުނެލިއެވެ. ރަޙުމަތްތެރިކަމަށް ބޭނުންވެފައި ތިބި ދެމީހުން އެމީހުންގެ ހިތްހުޅުވާލުމަށް މަސައްކަތްފެށިއެވެ. ދެމީހުންގެ ހާލު އެކަކު އަނެކަކަށް އަންގާލަން ބޭނުންވެއެވެ. ނަމަވެސް ދެމީހުން ދެމީހުންނާ ދެކެވުނު ވާހަކައެއް ދެކެވުނީ މާދުރުދުރުންނެވެ. ދައްކަން ބޭނުންވާ ވާހަކަ ނޫން އެހެން އެތަށް ވާހަކައެއް ދެކެވުނު އިރު ވާރޭގެ ފުރަތަމަ ތިކި ޖެހުނީ ނާއިލުގެ އަތްތިލައަށެވެ. ދާންވީ ވަގުތު ޖެހުނީކަން އަންގައިދިނުމުގެ އިޝާރާތެއްކަމުގައި އެފެންތިކި ވެގެން ދިޔައެވެ. ހަމައެވަގުތު ޝަބާގެ މޫނުގައިވެސް މަތިން ވެއްޓުނު ފެންތިއްކެއް ބީހިލިކަމުގެ އިޙްސާސް ކުރެވުނެވެ. ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް “ވާރޭ…” މިހެން ބުނެލެވުނެވެ. އެއްފަހަރާ ދެމީހުން ހީނލިގޮތުން އެދެމެދުގައި ފޮރުވިފައިވާ ލޯބި ފާޅުވާން އުޅުނު ކަހަލައެވެ. ދެލޯބިވެރިން ފަދައިން އެވަގުތު ނާއިލު ޝަބާގެ އަތުގައި ހިފައިގެން ދުވެފައި ގެއާއި ދިމާލަށް ދާން ބޭނުންވިއެވެ. އެޚިޔާލުން ނާއިލަށް އަދިވަކިން ބޮޑަށް ހީނލެވުނެވެ.
ތުނިތުނިކޮށް ވެހެންފެށި ވާރޭގެ ތެރެއިން ގެއާއި ދިމާލަށް އައި ޝަބާ އާއި ގޮނޑީގައި އިން ނާއިލު، ބެލްކަނީގައި ހުރި ނަވާލަށް ފާހަގަ ކުރެވުނެވެ. ފަޅުވެފައި އޮތް މަގުގައި އެދެމަފިރިން ނޫނީ ނެތެވެ. މޫސުމުގެ ފިނިކަން ނަވާލަށްވީ ހޫނަކަން އެކުލެވިފައިވި އުދާސްކަމަކަށެވެ. ފޫހިކަމެއް މޫނުމައްޗަށް ވެރިވުމާއިއެކު ސިކުނޑީގައި ޚިޔާލެއް އެނބުރިގަތެވެ. ގަޑިއަށް ބަލާލާފައި އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ހަރުގަނޑުމަތީގައި އޮތް ކުރުތާނަގާ ގަޔަށް ހެޔޮވަރު ކޮއްލަމުން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ދިޔައެވެ.
“ނަވާލު، ކޮންތާކަށް” ސިޓިން ރޫމުގައި މީކާ އާއިއެކު އިން ނީލްގެ އަޑު އައި ވަރަށްވެސް އަވަހަށެވެ.
“ބޭރަށް…” ނަވާލުގެ ޖަވާބު ކުރެވެ.
“ވާރޭ ވެހެނިކޮށްތަ” ނީލް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ. ނަވާލަށް ހުއްޓުން އެރީ ދެނެވެ. ބުނާނެ އެއްޗަކާއިމެދު އޭނާ ވިސްނަން ފެށިއެވެ. އަދި ޝަބާ އާއި ނާއިލު އައިސް ގެއަށް ވަދެފިއްޔާ އޭނާ ބޭނުންވާ ކަމެއް ނުވާނެތީވެ އެކަމާ ކަންބޮޑުވިއެވެ.
“މިހިރީ ދޮރުކައިރީގަ، ދުރަކަށް ނުދަން، އެހާ ބޯކޮށެއް ނޫން ވާރޭ ވެހެނީ” ނަވާލު ވިސްނާފައި ބުނެލިއެވެ. ނީލް ހޫން ލައްވާލާފައި މީކާ އާއި ވާހަކަދައްކަން ފެށިއެވެ. ސިއްރު ފިޔަވަޅު ތަކެއް އަޅަމުން މަޑުމަޑުން ނަވާލު ނުކުމެ ގޭޓު ލައްޕާލިއެވެ. އޭރު ޝަބާމެން ގެއާއި އަރާ ހަމަވަނީއެވެ.
“ބީބީ އަހަރެން ގާތު ނުވެސްބުނެ ހިނގާލަން ގޮސްފަ ދޯ ތިއައީ، އަހަރެން ފޫހިވެގެން… ހާއި ޝަބާ، ތިއޮށް ތެމުނީނު އެއްކޮށް، ދެން ދާންވާނީ އަހަރެން ގޮވައިގެން އެނގޭ” ނަވާލު އަވަސް އަވަހަށް އައިސް ނާއިލުމެންނާ އަރާ ހަމަކޮއްލަމުން ބުންޏެވެ.
“އެހާ ދުރަކަށް ނުދަމޭ، މިދިމާގަ ހުރި ޖޯލިފަތީގަ ތިބެފަ މިއައީ” ނާއިލު ބުނެލިއެވެ.
“ގެނޭ އަހަރެން ބީބީ އެތެރެއަށް ވައްދާނަން” މިހެންބުނެ ނަވާލު ގަސްދުގައި ގޮނޑީގެ އަތްގަނޑުގައި ހިފާލައިގެން ހުރި ޝަބާގެ އަތާއިއެކު ނާއިލު އިން ގޮނޑީގެ އަތްގަނޑުގައި ހިފާލިއެވެ. ޝަބާ އަވަސް އަވަހަށް އަތްދަމައިގަންނަން އުޅުމުން ނަވާލު ސޮރީއޭ ބުނެ އަތްދުރަށްޖައްސާލިއެވެ. ނާއިލުއަށް އެއަޑުއިވުމުން ކިހިނެއްވީތޯ ސުވާލުކޮއްލެވުނެވެ. ޝަބާ މާބޮޑު ކަމަކަށް ނަހަދާ ވީގޮތް ނާއިލުއަށް ކިޔާނުދީ، ކަމެއްނުވެޔޭ ބުނެލިއެވެ. އަދި އެމީހުންނަށްވުރެ ކުރިން ކުޑަކޮށް ދުވެލާފައި އައިސް ގޭގެ ގޭޓު ހުޅުވާލިއެވެ. ނަވާލު، ނާއިލު ގޭތެރެއަށް ވެއްދުމާއިއެކު އެމީހުންގެ ފަހަތުން ޝަބާވެސް ވަނީއެވެ.
“މިހާ ވިއްސާރަ އިރު ބުނެވެސް ނުލާ ބޭރަށް ދިޔައީމަ ބޭބެ މިހުންނަނީ ވަރަށް ކަންބޮޑުވެފަ” ނާއިލު އާއި ދިމާލަށް އައި ނީލް ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ. ނީލް ކުރިމަތީ ބަސްމަދުވެފައި ޝަބާ ހުރިއިރު ނާއިލު، ނީލްގެ ހިތްހަމަޖައްސާލުމަށް އެއްޗެއް ބުނެލިއެވެ. އެންމެންގެ ކުރިމަތީ މީކާ ނާއިލު އުފުލާލުމާއިއެކު ނާއިލުގެ ކޮޓަރިއަށް އޭނާ ގެންދިޔައެވެ. އެއީ ނާއިލުގެ ގޮނޑީގައި ވަރަށް ބޮޑަށް ވެލިހޭކިފަައި ހުރީތީއެވެ. ކޮޓަރި އާއި ހަމައަށް އެގޮނޑި ދުއްވާފައި ގެންގޮސްފި ނަމަ މުޅި ގޭތެރެ ހަރާބުވެގެން ހިނގައިދާނެތީވެ އެކަމަށް މީކާ އިސްކަން ދިނީއެވެ. އަދި ކުޑަކޮށް ތެމިފައި ހުރުމުން ނާއިލުގެ އެއްޗެހި ބަދަލު ކުރަންދެން ޝަބާ ކޮޓަރީގެ ބޭރުގައި މަޑުކޮއްލައިގެން ހުއްޓެވެ.
ނަވާލު ބޭނުންވި ގޮތަށް އެއްކަމެއްވެސް ނުވުމުން އޭނާ އެކަމާ ވިސްނަން ސޯފާ ސެޓުގައި އޮށޯވެލައިގެން އޮތެވެ. ނީލް އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނދެ މޯނާ މިދަތުރުގައި ބައިވެރި ނުވި ސަބަބު އެހިއެވެ. ނަވާލު ދޮގަކަށްފަހު ދޮގެއް ހަދަމުން މޯނާ ނައި ސަބަބު ފޫއްބައްދާލައިފިއެވެ. ނީލް ކުޑަކޮށް ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އޭނާއަށް ކަމެއް ފާހަގަ ކުރެވުނެވެ. މޯނާ އާއިމެދު ނަވާލުގެ ޝައުގުވެރިކަން ކުޑަވެފައިވާކަމެވެ. އަދި ނަވާލަށް ބަދަލުތަކެއް އަންނަ ކަމެވެ.
ވަށައިގެންވި މާޙައުލުގެ އާކަމުން ނުނިދިފައި އޮތް ނާއިލު އެނދުގެ އަނެއްފަރާތުގައި އޮތް ޝަބާއަށް ބަލާލިއެވެ. ނަމަވެސް ޝަބާ ފުރަގަސްދީގެން އޮތުމުން އޭނާގެ މޫނެއް ނާއިލަކަށް ނުފެނުނެވެ. ގޮވާލަން ހިތަށް އަރާފަވެސް ޝަބާގެ ނިންޖާއި ދެމެދަށް އެޅޭ ހުރައެއްކަމަށް އޭނާ ވެދާނެތީވެ އަޑެއްލައްވާނުލާ އޮތީއެވެ. އެހެންއޮއްވާ ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ ޝަބާ އެނދުން ތެދުވިވަގުތު ގޮދަޑިއަށް އައި ކުޑަ ލޮޅުމަކުންނެވެ. ޝަބާ ފަތިސް ނަމާދަށް ތައްޔާރުވަނީ ކަން ނާއިލުއަށް އެނގުނެވެ. ޝަބާ އާއިއެކު ނަމާދަށް އަރަން އޭނާ ހިތަށް އެރިއެއްކަމަކު ނިދިބަރުކަމާއިއެކު އަނެއްކާވެސް ލޯމަރާލެވުނީއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ލީލާ އާއިއެކު ޝަބާ އުޅެއެވެ. ސިޑިން ފައިބައިގެން އައިސް ކާކޮޓަރިއަށް ބޯދިއްކޮއްލި މީކާއަށް ޝަބާ ފެނުމުން ނާއިލު ހޭލާތޯ އުޅެނީ އަހާލެވުނެވެ. ނާއިލު އަދި ހޭނުލާކަން އެނގުމުން އޭނާ ކާމޭޒުދޮށުން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ގިނައިރެއްނުވެ ނީލް އާއިއެކު ނަވާލުވެސް އެތަނަށް ނުކުމެއްޖެއެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ނީލް ހަނދާން ކޮއްދިނީ މިއަދު ރަޒިއްޔާ އަންނާނެ ކަމެވެ. އަދި އޭނާއަށް ދަތިވާނެ އެއްވެސް ކަމެއް އޮވެގެން ނުވާނެކަން އޭނާ ހަނދާންކޮއްދިނީ ލީލާ އާއި ޝަބާއަށެވެ.
ޝަބާގެ ހީވާގިކަން ފެނި ނީލްއަށް އޭނާއަކީ ހަމައެކަނި ދީންވެރި ކުއްޖަކީ ނޫންކަން ފާހަގަވިއެވެ. މުރާލި އުޅުންހުރި އަންހެން ކުއްޖެއްކަން ސާބިތު ކުރަން މަސައްކަތް ނުކުރިނަމަވެސް ޝަބާގެ ރިވެތި އުޅުން އެހެންމީހުންނަށް ފާހަގަ ކުރެވެމުންދިޔައެވެ. ލީލާގެ ބަދަލުގައި ނަވާލުއަށް އަބަދުހެން ކަމަކަށް އެދި ގޮވާލެވެނީ ޝަބާއަށެވެ. އެތަނުގައި ތިބި އެކަކަށްވެސް އެކަން ފާހަގަ ނުކުރެވުނެއް ކަމަކު ނީލްއަށް އެކަން ފާހަގަ ކުރެވުނެވެ. ޝަބާ އާއި ނަވާލުގެ ގުޅުން ބަދަހިވާކަން އެނގުމުން އޭނާވީ އުފަލެވެ. ނީލްއަށް ވިސްނޭގޮތުގައި ޝަބާފަދަ އަންހެން ކުއްޖަކަށް އެމީހުންގެ ޢާއިލާގެ ތެރޭގައި ގުޅުން ބަދަހިކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނަވާލު އާއި ގުޅުން ބަދަހިވުމަކީ އެއީ އޭނާދެކޭ ގޮތުގައި ޝަބާއަށް ޢާއިލާގެ ތެރޭގައި ފުރުޞަތުއޮތްކަމުގެ ރަނގަޅު ނިޝާނެކެވެ.
(ނުނިމޭ)