“މަންމާ، ޒައުލް ކިޔަވަން އުޅުނު ދުވަސްވަރު މޫނިސާގެ އަންހެން ދަރިއަކު އުޅުނެއްނު ޒައުލް އާއި އެއްކުލާހެއްގައި، މިގެއަށް ވަރަށް ގިނައިން އައިސް އުޅޭނެ…” މަންސޫރު ލާއިގާއަށް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.
“ކޮންކުއްޖެ….މޫނިސާގެ…ހޫން ހޫން، އެނގިއްޖެ، ޝައިސްތާ ދޯ…އެމަންޖެ އާއި ރޭގަ ދިމާވިއެއްނު، މާރަނގަޅަށް ވާހަކަދެއްކޭ ގޮތެއްނުވި، ޒައުލް އާއި ބައްދަލު ކުރާހިތުން އުޅުނީ، ދަރިފުޅަށް އެނގޭތަ، އޭރު އެދެކުދިން އުޅުނުގޮތުން މަންމަ ހީކުރީ ޒައުލް ގުޅޭނީ ޝައިސްތާ އާއިކަމަށް، އެކަމަކު ދެކުދިންގެ ހިޔާލުވެސް މުޅިން ތަފާތު…ކިޔަވާ ނިމުމާއިއެކު ޒައުލް މާލެއައީ، ޝައިސްތާ ދިޔައީ ކޮންތާކަށްކަމެއްވެސް ނޭގުނު، މޫނިސާމެންވެސް މާލެ ދޫކޮއްފަ ދިޔައީވިއްޔަ…” ލާއިގާ ކުރީގެ ހަނދާނެއް އާކޮއްލިއެވެ.
“ކުދިން ބޭނުންވާގޮތެއް ނޭގޭނެ އަޅުގަނޑުމެންނަށް، ރަނގަޅުވާނީ އެކަމުގެ ތެރެއަށް އަޅުގަނޑުމެން ފާޑުނުކިޔާ އެކުދިން ބޭނުން ބައިވެރިއަކު ހިޔާރުކުރަން ދޫކޮއްލުން” މަންސޫރުގެ އަނގައިގައި ފަހުބަސްއޮއްވަ ލާއިގާ ވާހަކަދައްކަންފެށިއެވެ.
“ނޫން، އެކުދިންނަށް ރަނގަޅު މީހުން ހިޔާރުކޮއްދިނުމަކީ އަދިވެސް އަހަރުމެންގެ ޒިންމާއެއް، ހަޔާތުގެ ބައިވެރިއަކަށް ބޭނުން މީހަކު ހިޔާރު ކުރަން ދޫކޮއްލުމަކީ މޮޔަކަމެއް، އެކުދިން އަދި ޅަވާނެ، ކައިވެންޏަކީ ކުޅޭކުޅިވަރެއްނޫން، އިރުއިރުކޮޅާ ވަރިކޮށް އިނދެފަ މިކަހަލަ ސަކަރާތެއްޖަހާތަން ދެކޭކަށް އަހަރެން ބޭނުމެއްނޫން، މަންސޫރު މިކަމަށް އެންމެ ބޮޑަށް ވިސްނަންޖެހޭނީ، މަންމަ ނުބުނަންތަ އޭރުވެސް ޒަރާނާ އާއި ކައިވެނި ކުރާކަށް ނުފެނޭ، އެކަމަކު ދަރިފުޅުގެ އުފަލައްޓަކައި މަންމަ ޒަރާނާ ގަބޫލުކުރީ ހެޔޮހިތުން، އޭނަ ހެދީ ކިހިނެއް، އެހެންވީމަ އެކަހަލަ އަންހެނެއް ދެވަނަ ފަހަރަށް މިގެއަށް އަންނާކަށް އަހަރެން ބޭނުމެއްނޫން…ޒައުލް އަހަރެން ބުނާބަސް ގަބޫލުކުރާނެ، އޭނައަށް ނުކެރޭނެ އަހަރެން ކަމެއް ނުކުރާށޭ ބުނިފަނަމަ އެކަން ކުރާކަށް” ލާއިގާ އޭނަގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ޒައުލްއަށް އިތުބާރުކުރާކަން އޭނަގެ ވާހަކައިން އެނގުނެވެ.
ދެޖީބަށް އަތްޖަހާލައިގެން ކާކޮޓަރިއަށް ޒައުލް ވަތްއިރު މޭޒުގެ އެއްފަރާތުގައި އީލާކްއިނެވެ. ލާއިގާ އީލާކްއަށް ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށް ގެންގުޅޭ ކުއްޖަކަށް އެވަގުތު އަންގާލިއެވެ. ޒައުލް ފެނުމުން އީލާކް ވަރަށް ބާރަށް އޭނައަށް ގޮވާލުމާއިއެކު އެންމެ ފުރަތަމަވެސް އެހީ ޔޫހާގެ ވާހަކައެވެ. އެއީ ކާކުތޯ އާއި ޒައުލް ރައްޓެހިވެގެން އުޅޭ ކުއްޖާތޯއެވެ. ޒައުލް ލޯއަޅާލަމުން ލާއިގާ ހުރިކަން އަންގާލީވެސް ލޮލުގެ އިޝާރާތުންނެވެ.
“އުޕްސް…ސޮރީ މާމާ…އަޅެ މާމަ ބުނުއްވަބައްލަވާ، ރޭގަ ފެނުނު ކުއްޖާ އާއި ދޮންބެއާއި ވަރަށް ގުޅެއެއްނޫންތޯ…” މިހެން ބުނެލިއިރުވެސް އީލާކްގެ މޫނުމަތިން އޭނަ އެކަމެއް އެނގެން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދެއެވެ.
ޒައުލް އެއްވެސް އެއްޗެއް ނުބުނެ ސިއްރުގޮތަކަށް ހިނިތުންވެލައިގެން ކާމޭޒު ކައިރީއިނެވެ. ލާއިގާ އީލާކްއަށް ބަލާލާފައި އެވާހަކަ ނުދެއްކުމަށް ބުނެލީ ބޮލުގެ އިޝާރާތުންނެވެ. ލާނެތް ހިނިތުންވުމަކާއިއެކު އީލާކް އިސްޖަހާލަމުން ކާންއިން ސޭންޑްވިޗް ކުރިއަށްގެންދިޔައެވެ. އޭނަ ކައިނިމުމާއިއެކު ލާއިގާ އީލާކް ފޮނުވާލީ މަންސޫރުގެ ކައިރިއަށެވެ.
“މާމާ، އަޅުގަނޑު ވާހަކައެއް ބުނަންތޯ” ލޮލުކޮޅަށްގޮސް އީލާކް އޮބާލުމާއިއެކު ޒައުލް ވާހަކަދައްކަން ފެށިއެވެ.
“މާމައަށް އެނގޭހެން ހީވަނީ ދައްކަން ތިއުޅެނީ ކޮންވާހަކައެއްކަން، ޝައުގުވެރިކަމާއިއެކު އަޑުއަހަން މިހިރީ” ލާއިގާ ހީލާފައި އައިސް ޒައުލްގެ ކުރިމައްޗަށް މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.
“ބުނެވެސް ނުލާ އަޅުގަނޑު އެގޮތަށް އަންހެން ކުއްޖަކު ގޮވައިގެން އައުމުން މާމަ ތިހުންނެވީ ހިތްހަމަނުޖެހިފަތޯ، އެހެންކަމުގަ ވަނީނަމަ އަޅުގަނޑަށް މާފުކުރައްވާ، މާމަ މާލެ ދުރުވީއްސުރެން ތިއުޅުއްވަނީ ދޮންތަ ކައިވެނީގެ ކަންތައްތަކުގައި، އެހެންވެ ރަނގަޅު ފުރުޞަތެއް ނުލިބުނު އެވާހަކަ މާމަ ގާތު ނަންގަންނާކަށް، ހިތަށްއެރީ ދޮންތަގެ ކައިވެނި ޕާޓީއިން މާމަ އާއި ބައްޕަ އާއި ބައްދަލުކުރާނީއޭ” ޒައުލް އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.
“މާމަ ހިތްހަމަނުޖެހިފައެއްނޫން މިހިރީ، އެކަމަކު އެއީ ކޮންކުއްޖެއްކަން އޮޅުން ފިލުވާހިތްވޭ…މާމަގެ ހިތްބުނަނީ އެއީ ދަރިފުޅާ ވަރަށް ގާތްކުއްޖެކޭ، ކޮންގެއަކު ކުއްޖެއްތަ އެއީ؟ ފެންނަފެނުމަށް އެނގޭ އާދައިގެ އާއިލާއެއްގެ ކުއްޖެއް ނޫންކަން އެއީ….އަނެއްކާ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ކުއްޖެއްތަ ހޯދައިގެން ތިއުޅެނީ” ލާއިގާ ކުޑަކޮށް ހީނލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. ޒައުލް ލާއިގާއަށް ބަލާލާފައި ހިނިތުންވެލަމުން އަނެއްކާވެސް އިސްޖަހާލީއެވެ. މޭޒުމަތީގައި ހުރި ކޮފީ ޖޯޑު ނަގާ އޭނގެން ކޯވަރެއް ބޯލީ މާމައަށް ޔޫހާގެ ތަޢާރަފެއް ދޭނީ ކިހިނެއްބާއޭ ހިތަށް އަރަމުންނެވެ. އޭނަ ރާވާފައިވާ ގޮތަށް ބުނަންވީ ކަމެއް ނޫނީ ތެދަށް ހުރިހާ ކަމެއް ކިޔާދޭންވީބާއެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް ޒައުލްއަށް ވެރިވެގެންދިޔައެވެ.
“ޒައުލް…ދަރިފުޅު ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ” ޒައުލް ވާހަކަދައްކަން ފަށާނެކަމަށް މަޑުކޮއްލައިގެން އިން ލާއިގާއަށް އަހާލެވުނީ ޒައުލް ވަކި އެއްޗެއް ނުބުނެ މާގިނައިރު ހިމޭނުން އިންނަން ފެށުމުންނެވެ.
“މާމާ، އެއީ ޔޫހާ…އަޅުގަނޑު…އަޅުގަނޑު ޔޫހާ އާއި ކައި…ކައިވެނިކުރަން ބޭނުން” ޒައުލް ބޯންއިން ކޮފީ ޖޯޑަށް ބަލަހައްޓައިގެން އިނދެ މިހެން ބުނެލިއެވެ. އޭނަގެ އަޑުން ވަރަށް ހާސްވެޖެހިލުންވެފައި އިންހެން ހީވެއެވެ. ލާއިގާ ޒައުލްއަށް ބަލަހައްޓައިގެން ކުޑަހިނދުކޮޅަކު އިނުމަށްފަހު ވާހަކަދެއްކިއެވެ.
“އެކަމަކު އެއީ ކޮންގެއަކު ކުއްޖެއްކަމެއްވެސް އަދި ނުބުނަމެއްނު” ލާއިގާ ބުންޏެވެ.
“މާމާ، އާއިލާ އާއި ކައިވެންޏާ ހުރި ގުޅުމަކީ ކޮބާތޯ، އަޅުގަނޑު ޔަގީންކަން މިދެނީ ޔޫހާއަކީ އަޙްލާގު ރަނގަޅު ކިޔަވައިގެންގެ ހުރި ކުއްޖެއްކަން، މާމަ އަޅުގަނޑަށް އިތުބާރެއް ނުކުރައްވަންތޯ” ޒައުލް ލާއިގާއަށް ބަލާލަމުން އަހާލިއެވެ.
“ދަރިފުޅަށް އިތުބާރު ނުކުރާތީއެއްނޫން، ދޮންތަގެ ކައިވެނިވެސް ނިމިގެން ދިޔައިރު ހުރިހާކަމެއްގައި ދެޢާއިލާވެސް ބައިވެރިވިތަން ދަރިފުޅަށް ފެންނާނެ، މާމަވެސް ބޭނުންވާނެ މާމަގެ ޒައުލް އިންނަން އުޅޭ ކުއްޖާގެ ހުރިހާ ކަމެއް އެނގެން، މާމަ ބޭނުން ތިކުއްޖާ އާއި ބައްދަލު ކުރަން، މިބުނީ މިގެއަށް ގެންނާނީ ކޮންދުވަހަކުންހޭ” ލާއިގާ ހިނިތުންވެލަމުން ބުންޏެވެ.
“މާމާ، ޔޫހާގެ ބައްޕަވަނީ ނިޔާވެފަ، ހުރީ މަންމަ އަކާއި ދައްތައެއް، ދައްތައުޅެނީ މީހަކާ އިނދެގެން، ނަންމަޝްހޫރު އާއިލާއެއްގެ ކުއްޖެއްނޫން…” ޒައުލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގިފައި އިނދެވުނެވެ. ހަގީގަތުގައި ޔޫހާ އާއި ބެހޭގޮތުން އޭނަގެ މާމައަށް އޮޅުންފިލުވާދޭންޖެހޭ ކިތަންމެ ކަމެއްހުއްޓެއްކަމަކު އެކަންތައްތައް ކިޔާދޭނެގޮތެއް ޒައުލްއަށް ނޭގެނީއެވެ. އެއީ ލާއިގާ އެކަންތައްތަށް ފާހަގަކޮށް ފާޅުގައި އެމީހުންގެ ކައިވެންޏަށް އިންކާރު ކުރާނެތީއެވެ. ޒައުލް ލަސްލަހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން ލާއިގާގެ ބޮލުގައި ފާޑަކަށް ރިއްސާލިއެވެ. ޒައުލް ނުބައި ހަބަރެއް އޭނައަށް ދޭން އުޅެނީކަން އޭނައަށް މާކުރިންވެސް އެނގުނީކަންނޭގެއެވެ.
“ޒައުލް، ދަރިފުޅު ކައިވެނި ކުރުމާމެދު މާމަ ހުރަސް އަޅާކަށްނެތިން، އެކަމަކު ކޮންމެ ކޮންމެ އަންހެން ކުއްޖެއް މިގެއަށް ގެންނާކަށް މާމައަށް ގަބޫލެއްނުވެވޭނެ، އާއިލާގެ ނަމާ ގަދަރަށްވެސް ވިސްނަންވާނެ އެއްނު، މީހުންގެ ތެރޭ ދެކެވޭނެ ވާހަކަތަކަށް ދަރިފުޅު ވަރަށް ބޮޑަށް ވިސްނަންވާނެ” ލާއިގާ މޭޒާ ދުރަށް ގޮނޑިޖައްސާލަމުން ވާހަކަދައްކަމުން ތެދުވިއެވެ.
މެންދުރުފަސް ތިނެއްޖެހިފަހުން ޔޫހާގެ ފޯނަށް ހަތަރު މިސްކޯލު އައިސްފައިވަނިކޮށް ފެނުނީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އަވަސް އަވަހަށް ފޯނު ބަލާލިއިރު ގުޅާފައިވަނީ އައްޔަދުއެވެ.
“ހެލޯ…ހާދަ ފޮނިވެއްޖެއްޔޭ ދޯ، މިހާރު އަހަރެން ގުޅީމަ ފޯނު ނެގޭކަމަށްވެސް ނުވޭ، އަހަރެން މިގުޅަނީ ޔޫހާ ފްރީވާނެހެން ހީވާ ވަގުތުތަށް ބަލައިގެން، ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ، އަހަރެން ގުޅާތީ ޔޫހާއަށް އުނދަގޫވަނީތަ؟ ޔޫހާ ބުނެފިއްޔާ ނުގުޅާވެސް ހުރެދާނަން…އެކަމަކު ތީ އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާ” އައްޔަދު ނޭވާއަކަށްވެސް ނުހުއްޓި ޝަކުވާގެ ރާގެއްގައި ބުންޏެވެ.
“ޕިސް ޕިސް ޕިސް، ތިވަރަށް ޝަކުވާ ކުރާނެކަމެއް ނޭގޭވިއްޔަ، އަހަރެން ފޯނާ ދުރުގަ ހުރީމައޭ ނޭގުނީ ފޯނު ރިންގުވިކަމެއް، މަށެއް ނޫޅެން އަހަރުމެންގެ މެދުގައި މިއޮތް ރަޙުމަތްތެރިކަން ކަނޑާލާކަށް…އަޔާ ހަމަޖެހިބަލަ، ފޯނު ނުނެގުނަސް އޭގެ މާނައަކީ އަހަރެން އަޔާ އާއި ރުޅީއެއް ނޫނެއްނު…ދެން ބުނެބަލަ، ކީއްވެތަ އެހާވަރަށް ގުޅީ، ކަމަކުތަ” ޔޫހާ ފޯނު ހިފައިގެން ކޮޓަރީގައި ހުރި އެނދުގެ ފައިލާކޮޅުގައި އިށިންނަމުން ވާހަކަދެއްކިއެވެ.
“ގެއަށް އަންނަން ދައުވަތު ދޭންވެގެން، ނޫނެކޭ ނުބުނާތި، އަހަންނަށް އެނގޭ ޔޫހާ މެންގެވެސް، ނޫނެކޭ ބުނެފިއްޔާ އާދޭސްކުރަން ގެއަށްވެސް ދާނަން…” ކުޑަކުއްޖެއްހެން އައްޔަދު ބުނެލިއެވެ. އައްޔަދުގެ ވާހަކަތަށް އަޑުއަހަން ހުރި ޔޫހާ ފެށީ ހޭށެވެ.
މީހަކު ފެންނަ ހިސާބުގައި ނެތްކަމުގައިިވިޔަސް ސިޓިން ރޫމުން އެތެރެއަށް ޒައުލްވަނެވެ. އޭނަގެ ކަންފަތުގައި ޔޫހާގެ ހުނުމުގެ އަޑު ޖެހުމާއިއެކު ހިތުގެ ހިނގުންއަވަސްވި ކަހަލައެވެ. އެތަށް އަހަރަކަށްފަހު ޔޫހާ ހީނލާއަޑު ޒައުލްއަށް މިއިވުނީ ފުރަތަމަ ފަހަރަށެވެ. ފަޔަށް ބާރުލާފައި އައިސް ޔޫހާގެ ކޮޓަރި ދޮރުމައްޗަށް އޭނައަށް ހުއްޓެވުނެވެ. ދޮރުމަތީ ހުރި ޒައުލް ފެނުމުން ޔޫހާވެސް ދިޔައީ ސިއްސައިގެންނެވެ.
“ބިޒީ ވެއްޖެ، ދެން ފަހުން…” ޔޫހާ އަވަހަށް ފޯނު ބާއްވަން އުޅުނެވެ.
“ނޫން، އެހަށް މަޑުކޮއްބަލަ، އާނއެކޭ ބުނެފަ ދޭ…އެހެންނޫނީ ހަމަތެދެއް މިބުނީ ތިގެއަށް ނުދާނެ ނޯންނާނެ އެއްގޮތްވެސް…ފޯނު ކަނޑާލުމާއިއެކު މިނިކުންނަނީ ތިގެއަށް ދާން…” އައްޔަދު ބުނެލިއެވެ.
“އޯކޭ…ގަބޫލުކޮއްފިން، ދެން ބާއްވަނީ” ޔޫހާ އަވަސް އަރުވާލާފައި ބުނެލިއެވެ. އޭރުވެސް ޒައުލް ހުރީ ޔޫހާގެ ކޮޓަރި ދޮރުމަތީ ހުއްޓިލައިގެން ޔޫހާއަށް ބަލަންށެވެ. ޔޫހާގެ ލޯވެސްވަނީ ޒައުލްއަށް އަމާޒުވެފައެވެ.
“އަހަރެން ދާނަން ބަލާ، މާދަމާ މެންދުރު…އެންމެ ރަނގަޅެއްނު، ވަރަށް އުފާވެއްޖެ އެނގޭ، ތޭންކްސް” އައްޔަދު ބުނެލިއެވެ. އޭނަވެސް ޔޫހާ އެއްބަސްވުމުން އިތުރަށް ކޯލު ދިގުކުރާކަށް މަސައްކަތެއް ނުކުރިއެވެ.
“ހޫން، ދެން ބާއްވަނީ…” ޔޫހާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.
“ރަނގަޅު ވަގުތެއްތަ…ވާހަކައެއް ދައްކާލަން” ޒައުލް އަހާލިގޮތުން ޔޫހާއަށް ހީވީ އޭނަ ހިތްހަމަނުޖެހުނީހެނެވެ.
“އެއީ ރައްޓެއްސެއް…ދެންމެ އެގުޅީ…ކޮންވާހަކައެއް…ބޭރަށްތަ ނުކުންނާނީ، ނޫނީ ކޮޓަރީގަތަ…” ހާސްވެގެން އުޅޭމީހަކު ހެން ޔޫހާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް ހީވެސްނުކުރަނިސް ޒައުލް އެގެއަށް އައުމުން ޔޫހާއަށް ވީގޮތެއްކަމުގައި ޒައުލް ހީކުރިއެވެ.
“މިތަން އޯކޭ…ކިޔާން އެއޮތީ ނިދާފަ، އަހަރުމެން ވާހަކަދައްކަނިކޮށް އޭނައަށް ހޭލެވިދާނެ” ޒައުލް ބޭރަށް ނުކުތުމަށް ޔޫހާއަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ. ޔޫހާ ކިޔާންއަށް ބަލާލާފައި ރީތިވާ މޭޒުމަތީ ފޯނުބާއްވާލަމުން ޒައުލްގެ ފަހަތުން ނުކުމެ ސިޓިން ރޫމު ސޯފާގައި އިށީނެވެ.
“މާމަ ޔޫހާ އާއި ބައްދަލުކޮއްލަން ބޭނުންވޭ…މާދަމާ ކިހިނެއްވާނީ” ޒައުލް ބުންޏެވެ.
“މާދަން…” ޔޫހާއަށް ޒައުލްއަށް ބަލާލެވުނެވެ. މާދަމާ އައްޔަދުވެސް އޭނަގެ ކައިރިން އެގެއަށް ދިއުމަށްވަނީ އެދިފައެވެ. ދެން ހަދާނީ ކިހިނެއްބާއޭ ޔޫހާގެ ހިތަށް އެރިއެވެ. ހަމައެވަގުތު…
“މާދަން ކަމެއް އޮތީތަ؟ ކަމެއްނެތިއްޔާ ހަވީރު ފަހެއްޖަހާލާ ކަންހާއިރު އަހަރެން އަންނާނަން ޔޫހާ ބަލާ، އެގޮތް ރަނގަޅުތަ” ޒައުލް އަހާލިއެވެ. ޔޫހާއަށް ދިގުނޭވާއެއް ބޭރުކޮއްލެވުނެވެ. ދެކަންވެސް އެއްފަހަރާ ކުރެވޭނެކަން އެނގުނީމައެވެ. އައްޔަދުގެ ގެއަށް ދުއުމުގެ އިތުރުން ޒައުލްގެ އެދުންވެސް ފުރިހަމަ ކޮއްދެވޭނެތީއެވެ.
“ޒައުލް، އަހަރެން ބޭނުމެއްނޫން އޮޅުވާލުމެއްގެތެރެއިން ކައިވެނި ކުރާކަށް…މިނޫން ގޮތެއް ނޯންނާނެތަ، އަހަރެންގެ އާއިލާ މީހުންވެސް ތިބެންބޭނުންވާނެ ދޯ އަހަރެން ކައިވެނި ކުރާއިރު، އަހަންނަށް އެމީހުން ރާއްޖޭން ބޭރުގައޭ އުޅެނީ ކިޔާ ދޮގެއް ހަދާކަށް ނުކެރޭނެ، ރީތި އަގުބޮޑު ހެނދުމުގައި މީހާ ފެނުނަސް އެއީ ހަގީގަތެއްނެތް ދަޅައެއް…މިއެއްނޫން އަހަރުމެންގެ ކައިވެނި ކުރެވެންވާނެ ގޮތަކީ” ވަކިން ހުރި ގޮނޑީގައި އިން ޒައުލްގެ ގާތަށް ކުޑަކޮށް ޖެހިލަމުން ޔޫހާ ބުންޏެވެ.
“ދޮގުހަދާ އޮޅުވާލަން އަހަންނަށް ވަކި ފަސޭހަވާނެކަމަށްތަ ޔޫހާ ތިހީކުރަނީ، އެކަމަކު މިނޫންގޮތެއްނެތް، އަހަންނަކަށް ނޭގެ މާމަ ގާތު ކިޔާންއަކީ އަހަރެންގެ ދަރިއެކޭ ބުނާނެގޮތެއް” ޒައުލް ދެކަކޫގައި އުޅަންބޮށި ޖައްސާލަމުން ދެއަތްތިލަ ޖޯޑުކޮއްލީ ކުޑަކޮށް ގުދުވެލަމުންނެވެ.
“ކޮންމެގޮތަކަށް ކަންތައްވިޔަސް، ތެދަށް ބުނެވިދާނެއެއްނު” ޔޫހާ މަޑުމަޑުން ބުނެލިއެވެ.
“ތެދު ބުނެގެން ކޮންކަމެއްތަ ހާޞިލްވަނީ، އަހަރެން ބޭނުމެއްނޫން ޔޫހާ އާއި ކިޔާން އާއި ވަކިވާކަށް” ޒައުލް ބުނެލިއެވެ. އޭނަގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވުމުން އިތުރަށް އެއްޗެއް ބުނާކަށް ޔޫހާއަކަށް ނުކެރުނެވެ. އިރުގަނޑަކަށް ހިމޭންކަން ވެރިވެފައިވަނިކޮށް އެތަނަށް ނުކުތީ އަފްލީން އާއި އޭނަ އާއިއެކު ފިލާވަޅުތައް ހަދަން އައިސް އުޅޭ ދެކުދިންތުރެން ކުއްޖެކެވެ. ޔޫހާ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވާލަމުން އަފްލީންއަށް ހިނިތުންވެލިއެވެ.
ރޮޒޭންގެ އާއިލާއަށް ޝާއިން ކަމުދިޔައެއްކަމަކު ވަކިއެއްޗެއް ނުބުނެ ހުރީ އޭނަގެ ދޮށީބޭބެއެވެ. އެހެންނަމަވެސް އެކަމާ އަޅާނުލުމަށް އިނާޔާ ވަނީ ބުނެފައެވެ. އެގުޅުން މަނާ ނުކުރަނީ އެއީ ރިޝްވާނަށްވެސް ޝާއިން ކަމުދިޔައިމަ ކަމުގައި އިނާޔާ ބުންޏެވެ. ރޮޒޭން އުފަލުންގޮސް ހީވަނީ އުދުއްސައިގަނެދާނެހެންވެެ. ޝާއިންގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ހިނގައްޖެއެވެ. ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ހުވަފެން އޭނަވެސް ބަލައެވެ. ރޮޒޭން ގެއަށް ގެންނަންވީ ވަގުތު ޖެހިއްޖެކަން އޭނައަށް ވިސްނުނެވެ. އެކަން ރޮޒޭންގެ ގާތުގައި ހާމަކުރުމުން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޝާއިން އާއި އޭނަގެ އާއިލާ އާއި ބައްދަލުކުރާހިތުންނެވެ. އެންމެ އަވަހަށް އަންނަ ހުކުރު ދުވަހަކު ޝާއިން މެންގެއަށް ރޮޒޭން ގެންނާނަން ކަމުގައި އޭނަ ވައުދުވިއެވެ.
ޖެހިގެން އައިދުވެހެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ޔޫހާ ތަންކޮޅެއްކުރިން ހެނދުނު ބަދިގެއަށްވަނީ މެންދުރުވާންވާއިރަށް ހުރިހާކަމެއް ނިންމާލުމަށް ގަސްދުކޮއްގެންނެވެ. ކިޔާންއަށް އޭނަ ގޮވައިގެން ޔޫހާ ބޭރަށް ދާންއުޅޭކަން އެނގުމުން އުފަލުންހުރެ ޔޫހާގެ ވަށައިގެން ފުންމަމުން ދިޔައެވެ. އޭނައަށް ދަނީ ކޮންތާކަށްކަމެއް ނޭގުނަސް އެހާ އުފަލެއްވެގެން އެއުޅެނީ ގޭން ބޭރަށް ނުކުމެވޭތީއެވެ. މާކުރިން ޔޫހާއަށް އޭނަ ލާނެ ހެދުމާއި އަރާނެ ބޫޓާ އެއްޗެހި ކިޔާދޭން ފެށިއެވެ.
ގަޑިން އެގާރަ ޖަހަން އުޅެނިކޮށް ޒައުލް ޔޫހާއަށް ގުޅިއެވެ. އައިސް އަލަމާރި މަތީގައި އޮތް ޒައުލް ޔޫހާއަށް ދިން ފޯނަށް ޔޫހާ ޖަވާބު ދިނުމަށްޓަކައި ނަގާ ކަންފަތުގައި ޖައްސާލިއެވެ. ޒައުލް އެދުނު ކަމަކުން ޔޫހާ ސިކުނޑި ސުވާލުން ފުރުނެވެ. އޭނަ އެދުނީ ހަވީރު ޔޫހާ އޭނަގެ ގެއަށް އަންނައިރު ކިޔާން ނުލާ އެކަނި އައުމަށެވެ. އަދި ގާޑަންވިއުގައި ވަރަށް އަވަދިނެތި އުޅެންޖެހުމާއިއެކު ޖަމާލްއަތަށް ކުޑަކުޑަ ހަދިޔާއެއް ދީފައި ޔޫހާގެ ގާތަށް ފޮނުވައިފިންކަމަށެވެ.
“ޒައުލް، އަހަންނަށް އަހަރެންގެ ދިރިއުޅުމުން ކިޔާން ބޭރެއްނުކޮއްލެވޭނެ، ކީއްވެތަ އޭނަ ބަހައްޓާފަ ދާންވީ، ޒައުލްއަށް ކިޔާންއަކީ ދަރިއެކޭ ބުނަން ޖެހިލުންވިޔަސް އަހަރެން ފަހަކަށް ނުޖެހޭނަން އެހެންބުނާކަށް، އަހަރެންމީ އޭނަގެ މަންމައޭ، އެކަން އެކަކަށްވެސް އޮޅުވައެއްނުލެވޭނެ…” ޔޫހާ ޒައުލްގެ އެނިންމުމާއި ދޭތެރޭ ވަރަށް ހިތްހަމަނުޖެހުނެވެ.
“ޔޫހާ، ކިޔާން ބޭރުކޮއްލާކަށް އެކަކުވެސް ނޫޅެޔޭ، އެކަމަކު މިއަދު އަދި މާމަ އާއި ބައްދަލުވާއިރު ކިޔާން ގެންދަން ބޭނުންނުވަނީ، ގޮންމެ ގޮތަކުންވިޔަސް ކައިވެނި ކުރެވުނީމަ ދެން މާމައަށްވެސް ކުރެވޭނެ ކަމެއްނޯންނާނެ ދޯ ކިޔާން އާއި ޔޫހާ ގަބޫލުކުރުން ފިޔަވާ….މިނޫން އެހެން ގޮތެއްނެތް” ޒައުލް މިހެން ބުނެލާފައި ފޯނު ބާއްވަން ޖެހުނީ އިތުރު މަސައްކަތެއް ޖެހިގެންނެވެ. ޔޫހާއަށް ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި އަމިއްލައަށް ވާހަކަދައްކަންފެށިއެވެ.
“ބޮޑުމަންޒަރުން ކިޔާން އެއްފަރާތްވާނެ އެއްވެސް ގޮތެއްނެއް، މިއަދު ނޫނީ މާދަން ޒައުލްގެ މާމާއަށް ހުރިހާ ކަމެއް އެނގޭނެ، އޭރުންވެސް ރުޅިއަންނާނީ އަހަރެންދެކެ…އެގެއަށް ބޭރުންއަންނަ މީހަކަށްވާނީ އަހަރެންވިއްޔަ، އަދި އަމުދުން އެމީހުން ހުރިހާ ކަމެއް އަޅުވާނީ އަހަރެންގެ ބޮލުގަ…ނޫން، ނޫން…މިހާރުއްސުރެ އެމީހުންނަށް ހަގީގަތް އެނގެން ޖެހޭނެ، ޒައުލްއަށް ބުނަންނުކެރެންޏާ އަހަރެން އެމީހުންނަށް ތެދާއި ދޮގުވަކިކޮއްދޭނީ، ތަޤުދީރު އަހަރުމެން ދެމީހުން ދެވަނަ ފަހަރަށްވެސް ބައްދަލުކުރުވީ…ދެންވެސް މިންވަރުފުޅުގައިވަނީ އަހަރުމެން ދެމީހުންގެ ނަން އެކުގައިނަމަ…މިކައިވެނި ނުކުރެވިއެއްނުދާނެ…” ޔުހާ ބުނެލިއެވެ. އެވަގުތު ސިޓިން ރޫމުގައި ހުރި ކިޔާން ދުވެލާފައި އައިސް ޔޫހާގެ ފައިގައި ބައްދާލުމުން އޭނަގެ އިސްތަށި ގަނޑާ ލޯބިން ކުޅެލިއެވެ.
“އަވަހަށް ހިނގާ ތައްޔާރުވާން، މިހާރު އަޔާ ބޭބެ އަންނަން އުޅޭނެ” ޔޫހާ ކިިޔާން އޭނަގެ ފަޔާއި ދުރުކޮއްލަމުން ބުނެލިއެވެ. ޔޫހާ މިހެން ބުނުމާއިއެކު ކިޔާން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ޔޫހާވެސް ހިނގައިގަތީ ކޮޓަރީއަށް ދިއުމަށެވެ. އޭނައަށް ކޮޓަރިއަށް ނުވަދެވެނިސް ސިޓިންރޫމު ދޮރުމައްޗަށް ޖަމާލު ހުއްޓުނުތަންފެނުނެވެ.
“މޭމް…ކުޑަސާހަބް ދެއްވި އެއްޗެއް” ޖަމާލް އަވަސް އަވަހަށް އޭނަގެ އަތުގައި އޮތް ކޮތަޅު ދިއްކޮއްލަމުން ބުނެލިއެވެ. ޔޫހާ ޖަމާލްގެ ގާތަށް ދެތިން ފިޔަވަޅު އަޅާލުމާއިއެކު އެކޮތަޅުގައި ހިފިއެވެ. އެއާއިއެކު ޖަމާލް އިތުރުއެއްޗެއް ނުބުނެ އެގެއިން ނުކުންނަން ހިނގައިގަތެވެ. އޭރު ކޮޓަރި ދޮރުމަތީ ޖަމާލްއަށް ބަލަހައްޓައިގެން ހުރި ކިޔާން ޔޫހާއަށް ފެނުނީ ކޮތަޅުހިފައިގެން ކޮޓަރިއަށް ވަންނަން އެނބުރިލިތަނާއެވެ.
“ޑެޑީގެ ކާރު ދުއްވާ ބޭބެ ދޯ އެއީ، ޑެޑީ ފޮނުވި ހަދިޔާއެއްތަ” ކިޔާން ޔޫހާގެ އަތުގައި އޮތް ކޮތަޅަށް ބަލާލަމުން އަހާލިއެވެ. އަދި ޔޫހާ އާއިއެކު ކޮޓަރިތެރެއަށް ވަދެގެން ހިނގައްޖެއެވެ. ޔޫހާ ރީތިވާ މޭޒުކައިރީ ހުއްޓިލަމުން ކޮތަޅުގައި އޮތް އެއްޗެއް ނެގިއެވެ. އޭނައަށް ފެނުނީ މަހުމާ ފޮއްޓެވެ. އެފޮށީގައި ހުރީ ރިހިކުލައިގެ ގަހަނާއެވެ.
“މަންމީ ކޮއްކޮ ބަލާލަން ދައްކާލަބަލަ” ކިޔާން ޔޫހާގެ އަތަށް ދަމާލަމުން ބުނެލިއެވެ. އެހިނދު ޔޫހާ އަތްތިރިކޮއްލަމުން ހިފަހައްޓައިގެން ހުރި ފޮށި ކިޔާންއަށް ދައްކާލިއެވެ. ކިޔާންއަށް އޭގައި ހުރި އެއްޗެހި ރީތިވެގެން އަތްލަންފެށިއެވެ.
“މިހާރު ބަލާލެވިއްޖެއެއްނު، ދެން ލައްޕަނީ އެނގޭ” ޔޫހާ އެފޮށި ލައްޕާލާފައި ރީތިވާ މޭޒުގެ މަތީ ބެހެއްޓިއެވެ. އަދި އަތްމަތި އަވަސް ކޮއްލާފައި އައްޔަދު އަންނަންވާއިރަށް ތައްޔާރުވުމަށް އުޅުނެވެ.
މެންދުރު ބާރަގަޑިބައި އެހާކަންހާއިރު މީހަކު ސަލާމްގޮވާލުމުން ކޮޓަރީގައި ހުރި ޔޫހާ ނުކުމެ ބަލާލިއެވެ. އޭނައަށް ހައިރާންވެފައިހުރެ ހިނިތުންވެލެވުނެވެ.
“އަޔާ… ގުޅާވެސްނުލާ ގެއަށް ތިވަނީތަ” ޔޫހާ އުނަގަނޑުގައި ދެއަތް އަޅުވާލަމުން އައްޔަދުއަށް ބުނެލިއެވެ.
“ހިތަށްއެރީ ވަންނަން، ނުވަތްނަމަ ޔޫހާގެ މޫނަށް ތިޖެއްސި ހުރިހާ ވައްތަރުތަކެއް ނުފެނުނީހެއްނު، ހެ ހެ ހެ…ކޮބާ ތައްޔާރުވެ ނިމުނީތަ، ހިނގާ ދަމާ” އައްޔަދު ހީނލާފައި ވާހަކަދެއްކިއެވެ. ޔޫހާވެސް އޭނަ ބުނިއެއްޗަކަށް ހެވިފައިހުރެ ކޮޓަރީތެރެއަށް ވަދެ އަތްދަބަސް ނަގަމުން ކިޔާންއަށް ގޮވާލިއެވެ. އޭރު ކިޔާން ޔޫހާ ބުނެގެން ބޭރަށް ދާންވާއިރަށް ކުޅޭއެއްޗެހިތައް އެހުންނަންވާ ތަންތަނަށް ލަނީއެވެ.
“މަންމީ، އަޔާ ބޭބެ އެއުޅެނީ ކޮއްކޮއަށް އައިސްކްރީމް ދޭންތަ” ކިޔާން ކުރަންހުރި ކަންތައް އަވަސް އަވަސްކޮއްލަމުން އަހާލިއެވެ. އަދި ހުރިހާ ކުޅޭއެއްޗެއް ނަގާ އެހުންނަންވާ ތަންތަނަށް ލެވުމުން ކުޑަކޮށް ދުވެލާފައި އައިސް ޔޫހާގެ އަތުގައި ހިފިއެވެ.
“ނޫނޭ، އައިސް ކްރީމް ލިބޭތަނަކަށް ނޫން މިދަނީ، އަޔާ ބޭބެގެ ގެއަށް މިދަނީ، މަންމި ފަހުން ދަރިފުޅަށް އައިސް ކްރީމް ގަނެދޭނަން” ޔޫހާ މިހެން ބުނަމުން ކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ. އަދި ސިޓިން ރޫމު ދޮރުމަތީ ހުރި އައްޔަދު އާއިއެކު ގޭން ނުކުތުމުގެ ކުރިން ސިޓިން ރޫމު ދޮރުތަޅުލިއެވެ. އެވަގުތު ގޭގައި އިތުރު މީހަކު ނޫޅޭތީއެވެ.
“ކާކުގެ ކާރެއްގަ އައިސް ތިއުޅެނީ” އައްޔަދު ޕްރައިވެޓް ބޯޑުޖެހި ކާރެއްގެ ކައިރީ މަޑުކޮއްލުމުން ޔޫހާއަށް އަހާލެވުނެވެ.
“ބައްޕަގެ، އަހަރެން ލައިސެންސް ނަގައިފީމޭ… ހާސްނުވޭ، އަހަރެން މިހާރު ވަރަށް ފަރިތަވާނެ މާލޭ މަގުތަކުގައި ކާރު ދުއްވަން، ނުހުރެ އަރާބަލަ” އައްޔަދު ޔޫހާއަށް ހީނލަމުން އެއްބުމައަރުވާލާފައި އޭނައަށް އިތުބާރުކުރުމަށް ބުނެލިއެވެ. ޔޫހާ ދެފަރާތަށް ބޯހޫރުވާލާފައި ހިނިއައިސްފައި ހުރެގެން ކާރުގެ ކުރީ ސީޓުގައި އިށީނެވެ. އައްޔަދުވެސް ގޮނޑީގައި ހަމަޖެހިލަމުން ކާރު ދުއްވާލިއެވެ. މާލޭގައި ތަންތަނަށް ހިނގާފަ ދިއުމީ އެހާ އުނދަގޫކަމަކަށް ނުވިޔަސް ދުއްވާއެއްޗެއްގައި ތަނަކަށް ދާންވެއްޖެނަމަ ހިނގާފަ ދިއުމުގެ ދެގުނަ ވަގުތު ނަގާނެއެވެ. ޓްރެފިކް ލައިޓްތަކަށް މަޑުކުރުމުގެ އިތުރުން ދުއްވާއެއްޗެއްސަށްވެސް ބަލަންޖެހެއެވެ. އައްޔަދުގެ ކާރު ދުއްވުމުގެ ކުޅަދާނަކަން މީގެ ކުރިން ޔޫހާއަށް ފެނިފައިނުވިޔަސް އެދެމައިން ސަލާމަތުން ދާންވި ތަނަށް ގެންގޮސްދިނެވެ. އައްޔަދު ކާރު ޕާކުކޮއްލީ ޒޯންގައެވެ. އަދި ކާރުން ފައިބާ ޔޫހާ އާއި ކިޔާން ފޭބުމަށް އެހީތެރިވިއެވެ. އައްޔަދު ކިޔާންގެ އަތުގައި ހިފާލަމުން ޔޫހާގެ ގައިގާ ފަހަތުން އަތްޖައްސާލީ އެމަގަކީ ވަރަށް ހަލަބޮލި މަގަކަށްވީތީއެވެ. އެދެމައިން ގޮވައިގެން މަގުހުރަސްކޮއްލުމަށް ޕޭވްމަންޓުމައްޗަށް އަރާ އައްޔަދު އޭނަގެ ގެ ދައްކާލިއެވެ. އެންމެ މިޒަމާނުގެ ބުރިބުރިއަށް ހަދާފައިވާ ގެއެއްނޫނެވެ. އެހެންނަމަވެސް އާދައިގެ ގެއެކޭވެސް ނުބުނެވޭނެއެވެ.
“މީތަ އަޔާގެ ގެއަކީ، އަހަރެން ހީކުރީ އަޔާގެ ގެ ދައްކާލީމަ ބަލަންޖެހޭނީ އިސްނިކަންބޮޑަށް އުފުލާލައިގެން ހުރެކަމަށް” ޔޫހާ ސަމާސާރާގެއް އެކުލެވޭފަދަ ގޮތަކަށް ބުނެލިއެވެ.
“އެހެންތަ، އަސްލު އަހަރެންގެ މަންމަ ވަރަށް ސިމްޕްލް ވާނެ، މިގެވެސް މިހުންނަނީ އެކަހަލަ ގޮތަކަށް، މަންމަ ބޭނުމެއްނުވޭ އުޅޭނެ ބަޔަކުނެތަސް އެހެންމީހުން އެހަދާހެން ގެ ތިން ހަތަރު ބުރިއަށް ހިއްލާލާކަށް، އަހަރެންގެ ފެމިލީ ވަރަށް ކުޑަވާނެ…މަންމަ އާއި ބައްޕަ ނޫން އެހެން މީހަކު މިގޭގަ ނޫޅޭނެ، މަންމަ ވަރަށް ބެސްޓުވާނެ، އަހަރެން ޔޫހާގެ ވާހަކަ ދައްކާވަރުން މަންމަ އަސްލު އެދުނީ ޔޫހާ މިގެއަށް އެއްދުވަހު ގެނައުމަށް…ދެތިން ދުވަހު އަހައިފި ޔޫހާއަށް ދައުވަތު ދީފިންހޭ…ހެ ހެ ހެ…އާދޭ އެތެރެއަށް” އައްޔަދު ޔޫހާ އާއި ވާހަކަދައްކަމުން ގޮސް ގޭގެ ދޮރާށި ހުޅުވާލާފައި ޔޫހާމެން ވަނުމަށް ތަންދެއްކިއެވެ. ދޮންވެލިލާ އޭގެމަތީ ބޮޑެތި ގާތަކެއް ބަހައްޓާފައި ހުރިއިރު ޔޫހާ އައްޔަދުގެ ފަހަތުން އެގާތަން މަތިން ލާފައި ގޮސް މައިގެއަށްވަނެވެ. އެތަނުން އެކަކުވެސް ޔޫހާއަކަށް ނުފެނުނެވެ. އައްޔަދު އިޝާރާތްކުރީ އެއްފަރާތަކަށް ވަދެގެން ދެވެން ހުރި ގޯޅިއަކަށެވެ. ޔޫހާ މާބޮޑު ވިސްނުމެއްނެތި އައްޔަދުގެ ފަހަތުން އޭނަ ދައްކަމުންދާ ގޮތަށް ދިޔައެވެ.
ކާގެއާއި ބަދިގެއާއި އެއްކޮލެވިފައިވާ މިޒަމާނުގެ ބަދިގޭގައި ޒަރާނާ ސުފުރާމަތީ ބިއްލޫރި ތަށި އަތުރަމުންދިޔައެވެ. އައްޔަދު އޭނައަށް ގޮވާލިއަޑުން މޫނުމައްޗަށް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. އެހިނދު އައްޔަދުއަށް ގޮވާލަމުން ބަދިގެއަށް ވަނުމަށް ޒަރާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“މަންމާ…” ބަދިގޭ ދޮރުމަތީ އައްޔަދު ހުއްޓިލަމުން ގޮވާލިއެވެ.
“ދަރިފުޅު އެކަނިތަ، ކޮބާތަ ގެންނަން ބުނި ރަޙުމަތްތެރިޔާ، މަންމަ މިއަދު ހުރިހާ އެއްޗެއް ހަދާފަ ހުންނާނީ ދަރިފުޅުގެ ރަޙުމަތްތެރިޔާ ގެންނާނަމޭ ބުނީމަ އެހެންދުވަސް ދުވަހަށްވުރެ ގިނައިން…ބައްޕަ ދެންމެއަކު އެދުރުވީ އޮފީހަށް، ކީއްވެތަ ފާޑަކަށް ހެވިފަ ދޮރުމަތީ ތިހުންނަނީ…އާދޭ ދެންކާން” ޒަރާނާ މޭޒުމަތީ މަތިޖަހާފައި ހުރި ތަށިތަކުގެ މަތިތަށް ނަގަމުން ބުނެލިއެވެ.
“މަންމާ، މިހިރީ ޔޫހާ….” އައްޔަދު އެއްފަރާތަކަށް ޖެހިލަމުން އޭނަގެ ފަހަތުގައި ކިޔާންގެ އަތުގައި ހިފާލައިގެން ހުރި ޔޫހާ ދައްކާލިއެވެ. ޒަރާނާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލަމުން އަވަހަށް އެތެރެއަށް އައުމަށް ބުންޏެވެ.
“ވަރަށް ލާނެތްވާނެ މި އައްޔަދު…” ޒަރާނާއަށް އައްޔަދު ކުރީ ސަމާސާއެއްކަން އެނގުމުން ހިނިއައިސްފައިހުރެ ބުނެލިއެވެ. އެހެންނަމަވެސް ޔޫހާ އެތެރެއަށްވަތް ވަގުތު އޭނަގެ އަތުގައި ހިފައިގެން ހުރި ކުޑަފިރިހެން ކުއްޖާ ފެނުމާއިއެކު އޭނަގެ މޫނުގެ ކުލަބަދަލުވެގެންދިޔައީ ފަޅިސިކުންތެއްގެ ތެރޭއެވެ. ދެބުމަށް ކައިރިކޮއްލުމާއިއެކު އެއްފަހަރު ޔޫހާއަށް އަނެއްފަހަރު ކިޔާންއަށް ބަލާލެވުނެވެ.
“މަންމަ ކައިރީ ނުބުނެވޭދޯ….މީ ކިޔާން، ޔޫހާގެ ދަރިފުޅު…” ޔޫހާގެ އަތުގައި ބާރަށް ހިފާލައިގެން ހުރި ކިޔާންގެ ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލަމުން އައްޔަދު ބުނެލިއެވެ. މިފަހަރު ޒަރާނާއަށް ޖެހުނީ ގަދަކަމުން ހިނިތުންވެލާށެވެ. އޭނައަށް ބޭއިޙްތިޔާރުގައި އައިސް ކިޔާންގެ ކުރިމަތީ ކުޑަކަކޫ ޖަހާލެވުނެވެ. އަދި ކިޔާންގެ މޫނުގައި ދެއަތުން ހިފާލިއެވެ. މާޒީގެ ހަނދާންތަކުން އޭނަގެ ހިތުގައި ބިންވަޅުނެހިފައިވާ ސޫރައެއް ކުރިމަތީ ހުއްޓިގެން ހުރިކަހަލައެވެ. ޒަރާނާގެ މޫނުމަތިން ފެނުނީ މައިވަންތަ ކަމުގެ ލޯތްބެވެ. ތުންފަތަށްވެރިވި ހިނިތުންވުމަކީ އެމައިވަންތަކަމުގެ ލޯބިން ވެރިވެގެންދިޔަ ހިނިތުންވުމެކެވެ.
“އައްސަލާމް އަލައިކުމް…” ތުއްތު އަޑަކުން ކިޔާން ޒަރާނާއަށް ބުނެލިއެވެ. ޒަރާނާ ފެންކަޅިވެފައި ހުރެ ހީނލަމުން ކިޔާން ދިއްކޮއްލި އަތުގައި ހިފާލަމުން އެއަތުގައި ބޮސްދިނެވެ. އަދި ކިޔާންގެ މޫނުގައިވެސް ބޮސްދިނެވެ.
“ވައިލެކުމުއްސަލާމް….ކޮންކުއްޖެއް ދަސްކޮއްދިން އާދައެއްތަ ތީ…މަންމަތަ” އަދިވެސް ހިނިއައިސްފައި ހުރި ޒަރާނާތެދުވަމުން ކިޔާންގެ ކޮނޑުގައި ފިރުމާލާފައި އަހާލިއެވެ.
“ލައްބަ، މަންމި ބުނީ އަލަށް ކޮންމެ ކުއްޖަކާ ދިމާވާއިރަށް އެގޮތަށް ބުނަންވާނޭ…ދޯ މަންމީ” ކިޔާން ޒަރާނާއަށް ބަލާލާފައި އޭނަ ބުނިއެއްޗަކަށް އެއްބާރުލުންދޭށޭ ބުނާފަދައިން ޔޫހާއަށް ބަލާލިއެވެ. ޔޫހާ ހޫން ލައްވާލަމުން ޒަރާނާއަށް ހިނިތުންވެލިއެވެ. ޔޫހާއަށް ޒަރާނާ ވަރަށް ކަމުދިޔައެވެ. އޭނަގެ ހިތްހެޔޮކަން ޔޫހާއަށް ފާހަގަކުރެވުނެވެ. މޭޒު ދޮށުގައި ކިޔާން ބޭންދުމަށްފަހު ޔޫހާވެސް އިށީނެވެ. ޒަރާނާ ކިޔާންއަށް ޚާއްޞަ ސަމާލުކަމެއްދޭކަން ޔޫހާއަށް ފާހަގަކުރެވުނެވެ. ކިޔާން އާއި ރައްޓެހިވުމަށް ޒަރާނާއަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. އޭނަ ކިޔާން އާއި ޖެހިގެން އިން ގޮނޑީގައި އިށިންނަމުން ކިޔާން އާއި އެކިއެކި ސުވާލުތައް ކުރުންވީ ކިޔާންއަށްވެސް ޒަރާނާ އާއި ޖެހިލުމެއްނެތި ވާހަކަދައްކަން ކެރުނުކަމަކަށެވެ. އައްޔަދު އާއި ޔޫހާވެސް ދޭތެރެއަކުން ކިޔާންގެ ފަރާތުން އަޑުއިވޭ ޖަވާބުތައް އިވިފަ ހޭންފަށައެވެ. އައްޔަދުއަށް މިނޫނީ އޭނަގެ މަންމަގެ މޫނުމަތިން އެހާބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ނުފެނެއެވެ. ޔޫހާއަކީ ފައުޒީ ބުނާފަދަ އަންހެން ކުއްޖެއްކަން ގަބޫލުކުރަން އައްޔަދުއަށް އަދިވެސް ދަތިވެފައިއެވެ. ފައުޒީ ބުނާފަދަ އެއްވެސް ކަމެއް ޔޫހާގެ ފަރާތުން އޭނައަށް ނުފެނެއެވެ. ޒައުލްއާއި ޔޫހާގެ ގުޅުމެއް އޮންނަކަން އޭނައަށް ޔަގީންކޮއްދިނީވެސް ފައުޒީއެވެ. ޔޫހާ އެއްފަހަރުވެސް އޭނަ ގާތު އެކަހަލަ ވާހަކައެއްނުދައްކައެވެ. ފަހަރެއްގަ އޭނަ ޒައުލް އާއި ބެހޭގޮތުން ނާހާތީކަމަށްވެދާނެއޭ އައްޔަދުގެ ހިތްބުންޏެވެ.
“ކިޔާންގެ ބައްޕަ ކޮބާ؟” ކުއްލިއަކަށް ޒަރާނާ އަހާލި ސުވާލުން ޔޫހާ އަނގަޔަށް ލާލާ އިން އޫ ނުވެއްޓުނީ ކިރިޔާއެވެ. ޔޫހާއަށް ޒަރާނާއަށާއި ކިޔާންއަށް ބަލާލެވުނީ އެކުއެކީގައެވެ. ޔޫހާއަށް ޒަރާނާގެ އެސުވާލަށް ދޭނެ ޖަވާބެއްނޭގުނެވެ. އައްޔަދު އާއި އޭނަގެ އާއިލާއަށް ޔޫހާގެ ދިރިއުޅުމުގެ ސިއްރުތައް ހާމަކުރުމެކޭ ކިޔާންގެ ބައްޕައެއްނެތޭ ބުނުމެކޭ އެއްވަރުވާނެއެވެ. އެއްޗެއް ބުނަންނޭގުނީ އެހެންވެއެވެ.
“މިހެން މިއަހާލީ ޔޫހާ އާއި ވައްތަރުގޮތެއް ކިޔާންގެ ނެތް، ކިޔާންވައްތަރީ އޭނަގެ ބައްޕަ އާއިތަ…” ޒަރާނާ ސުވާލު ބަދަލުކޮއްލިކަމުގައިވިޔަސް އޭނައަށް ޔޫހާގެ މޫނުމަތިން ކަމެއް ނަގައިގަނެވުނެވެ.
“ހޫމް…ކިޔާން ވައްތަރީ އޭނަގެ ބައްޕަޔާ…” ޔޫހާ ޖެހިލުންވެފައި އިނދެ ބުނެލިއެވެ.
ކެއުން ނިންމާލުމާއިއެކު ޒަރާނާ ޔޫހާ އާއި ކިޔާން ގޮވައިގެން ނުކުތީ ގޭގެ ބިއްދޮށުގައި އޮންނަ ހުސްތަނަށެވެ. އެތަނުގައި އާމުކޮށް ޒަރާނާ ނުކުމެ އިންނަ ދަނގަޑު އުނދޯލީގައި އިށީނދެ އޭނަގެ ކައިރީ ކިޔާން ބޭންދިއެވެ. ޔޫހާ އިށީނީ އުނދޯއްޔާއި ކުރިމަތިވާގޮތަށް ހުރި މޭޒެއްގެ ދޮށުގައެވެ. ޔޫހާމެން ދިއުމުގެ ކުރިން ޒަރާނާ އައްޔަދު ފޮނުވީ ކައިރީ ހުރި ފިހާރައަށެވެ. ކިޔާންއަށް ހަދިޔާއެއްނުދީ ފޮނުވާލާކަށް އޭނަގެ ހިތެއް އެއްބަހެއްނުވިއެވެ.
“ކޮންގެއަކުތަ ޔޫހާ އުޅެނީ، ވަޒީފާއަށް ދާވާހަކަ އައްޔަދު ބުނި” ޒަރާނާ ދުފަންއިން ޔޫހާގެ ގާތުގައި އަހާލިއެވެ. ޔޫހާ އޭނަ އުޅޭގެ ބުނަމުން ވަޒީފާއަށް ދާކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް ވަރަށް ފަހުން އޭނަވަނީ ވަޒީފާއިން ވަކިވެފައިކަމަށްވެސް ބުންޏެވެ. ހަމައެވަގުތު ޔޫހާއަށް ފޯނެއްއައެވެ. އޭނަ މިހާރު ގެންގުޅޭ ދެފޯނުވެސް އޮތީ ވައިބްރޭޓްވާގޮތަށް ހަދާފައިކަމަށްވީތީ އުނގުގައި އޮތް އަތްދަބަސް ނަގާބަލާލިއެވެ. ކުއްލިއަކަށް ޔޫހާ ތެދުވިގޮތުން ހީވީ ގޮނޑީގައި ހެރޭފަދަ ތޫނުއެއްޗެއް އިންހެންނެވެ.
“ވަރަށް މުހިއްމު ފޯންކޯލެއް….” އަތްދަބަހުގެ ތެރެއިން ނެގި ފޯނަށް ބަލާލަމުން ޔޫހާ ޒަރާނާއަށް ބުނެލިއެވެ. ޒަރާނާ ބޯޖަހާލާފަ ހިނިތުންވެލުމުން ޔޫހާ ފޯނު ނަގާ ކަންފަތުގައި ޖައްސާލައިގެން ހުރެ އެއްފަރާތަކަށް ޖެހިލިއެވެ.
“ހެލޯ…” ޔޫހާ މަޑު މަޑުން ބުނެލިއެވެ.
“އެއްވެސް ޖަވާބެއް ނައީމަ މިގުޅާލީ…” ޒައުލް ފޯނުން ޔޫހާއަށް ބުނެލިއެވެ.
“ޖަވާބު…ކޮންކަމަކަށް…” ކުޑަކޮށް ހާސްވެފައި ހުރެ ޔޫހާ ބުނެލިއެވެ. އެވަގުތު ޒައުލް ގުޅާނެކަމަކަށް ޔޫހާ ހިއެއްނުކުރެއެވެ. ރަނގަޅަށް ކޮންބައެއްކަން ނޭގޭ ބައެއްގެކައިރީ ހުރެ ފޯނުން ވާހަކަދައްކަން ޔޫހާއަށް އުދަނގޫވިއެވެ. ޒައުލް އެހިއެއްޗަކަށްވުރެ ޔޫހާއަށް ބެލެނީ ޒަރާނާ އޭނަ އާއި ދިމާލަށް ބަލާތޯއެވެ.
“ޖަމާލު ގެންގޮސްނުދޭތަ” ޒައުލް އަހާލިއެވެ.
“އޯ އޭގެ ވާހަކަދޯ…ވަރަށް ރީތި ހުރިހާ އެއްޗެއްވެސް….ޝުކުރިއްޔާ…” ޔޫހާ ބުނެލިއެވެ.
“ހަވީރު ޔޫހާ ބަލާދެވޭނެ ކަމެއްނޭގެ، ގާޑަންވިއުގަ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ނިންމަންވެފަ، އެކަމަކު އަހަރެން ގެއަށްދާނަން ޔޫހާ ދާންވާއިރަށް، މާމަ އާއި ޔޫހާ އެކަނި ކުރިމަތިލާކަށް ނުޖެހޭނެ…ޔޫހާ…ޖަމާލު ގެންގޮސްދިން ފޮށީގައި ހުރި އެއްޗެހި ބޭނުންކުރާނެކަމަށް ހީކުރަން” ޒައުލް ބުނެލިއެވެ.
“ހޫމް…މިހާރު ފޯނު ބާއްވާލިޔަސް އެންމެ ރަނގަޅުތަ، މާގިނައިރު ވާހަކަދައްކަން ހުރެވޭކަށްނެތް” ޔޫހާ މިހެން ބުނެލުމާއިއެކު ޒައުލް އާނއެކޭ ބުނެފޯނު ކަނޑާލައިފިއެވެ. ޔޫހާ ފޯނަށް ބަލާލާފައި އެނބުރި އޭނަ ކުރިންވެސް އިންގޮނޑި އާއި ދިމާލަށް ހިނގައިގަތެވެ.
ޒަރާނާ ވަރަށް ރަނގަޅަށް ކިޔާންއަށް ބެލިއެވެ. އަދި ކިޔާންގެ ގާތު އޭނަގެ ބައްޕަ ކޮބާތޯ ސުވާލުކުރިއެވެ. ކިޔާންއަށް ޒައުލް އާއި ބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ކިޔާދޭކަށް ނޭގުނެވެ. ޒަރާނާއަށް ކިޔާންގެ ފަރާތުން އެނގުނުހާވެސް އެއްޗަކީ ޔޫހާ އާއި ކިޔާންގެ ބައްޕަ އުޅެނީ ވަކިންކަމެވެ. ނަމަވެސް ކިޔާން އާއި އޭނަގެ ބައްޕަ އާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަކަމެވެ. އެހެންވިޔަސް ޔޫހާގެ ގާތުގައި އޭނަ ހުންނަނީ ވަރިކޮއްފަތޯ އަހާލަން ޒަރާނާއަކަށް ނުކެރުނެވެ. އޭނަގެ ހިތުގައި ޔޫހާއަށް ޚާއްޞަކަމެއްދެވުނެވެ. އެކަމުގެ ހަގީގަތަކީ ކިޔާންއަށް އޭނަގެ ހިތުގައި އުފެދުނު މަތިވެރި ލޯތްބެވެ. އެކުއްޖާ ފެނުމުން އޭނަގެ ހިތަށް ބުނެދޭންނޭގޭ ހިތްހަމަޖެހުމަކާއި ފިނިކަމެއް އިޙްސާސްކުރެވިގެންދިޔައެވެ. އެކަން އޭނަ އެކަކާވެސް ޙިއްޞާ ނުކުރީ އެއީ އޭނަގެ މާޒީ އާއި ގުޅިފައިވާ ކަމަކަށްވީމައެވެ.
“ގެއިންތަ ގުޅީ” ޔޫހާ އައިސް ގޮނޑީގައި އިށީނުމާއިއެކު ޒަރާނާ އަހާލިއެވެ. ޔޫހާ އަވަސް އަވަހަށް ބޯޖަހާލަމުން އާއެކޭ ބުނެލީ އިތުރު ސުވާލެއް ޒާރާނާ ކޮއްފާނެތީއެވެ.
“އަދިވާނެ މިގެއަށް އަންނަން، މިހާރުދެން މި ރައްޓެހިވީނު ދޯ…” ޒަރާނާ ބުނެލިއެވެ. ޔޫހާ އެކަމަށް ވަކި ޖަވާބެއް ނުދީ ހިނިތުންވެލީއެވެ. އޭނަ އަނގައިން ނުބުނިކަމުގައިވިޔަސް ފަޅުކަމެއް ނުވެއެވެ. އެކަން ކިޔާންގެ ވާހަކަތަކުން ފޫބެއްދެއެވެެ. ޒަރާނާވެސް ކޮންމެހެން ޔޫހާ ލައްވާ ވާހަކަތަކެއް ދައްކުވާކަށް ނޫޅެއެވެ. އަދި އޭނަ ކަމެއް އޮޅުފިލުވާކަށްވެސް ނޫޅެއެވެ. އޭނަގެ އަމިއްލަ ދިރިއުޅުން މަތިން ޔޫހާ ފެނުމުން ހަނދާންވަނީއެވެ. ޔޫހާ އާއި އޭނަގެ ދަރިފުޅާ ދުރުނުކުރެއްވުމަށް ހިތާ ހިތާ ދުޢާކޮއްލެވުނީ އޭނަފަދަ ނަސީބުދެރަ މީހަކަށް ޔޫހާ ވެދާނެތީއެވެ. ފިރިމީހާ ގެއްލި ދަރިފުޅުވެސް ގެއްލިދާނެތީއެވެ.
“އަޔާ ހާދަ ލަސްވެއްޖެޔޭ” ޔޫހާ ބުނެލިއެވެ.
“މިހާރު އަންނަން އުޅޭނެ، ވެދާނެ މިތާކައިރިން ރަނގަޅު އެއްޗެއް ނުލިބުނީކަމަށް” ޒަރާނާ އޭނައަށް ހީވާގޮތް ބުނެލިއެވެ.
އޭގެ ފަހުން ގިނައިރުތަކެއް ނުވެ އައްޔަދު ހަރުކޮއްހިނގާލާފައި އައިސް ޒަރާނާ އިށީނދެގެން އިން އުނދޯލީގެ އެއްފަރާތުގައި ހުއްޓިއްޖެއެވެ. އަދި އަތުގައި އޮތް ކޮތަޅު ޒަރާނާއަށް ދިއްކޮއްލިއެވެ.
“މީ ކިޔާންއަށް މާމަދޭ ހަދިޔާއެއް، މިއަދުން ފެށިގެން މިވެސް މާމައެއް އެނގޭ” ޒަރާނާ ބުނެލިއެވެ. އޭނަ ކިޔާންގެ ދުލުން އޭނައަށް މާމަ ކިޔަން ބޭނުންވީއެވެ. އެކަމުންވެސް އޭނައަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދާނެތީއެވެ. ޔޫހާ ހިނިތުންވެލައިގެން ޒަރާނާއަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިގެންވި ގޮތަކަށެވެ. ޒަރާނާ ކިޔާންލައްވާ އޭނައަށް މާމަ ކިޔުއްވީ ކީއްވެބާއޭ ހިތަށް އަރާފައެވެ. އަނެއްކާ ޒަރާނާ ހީކުރަނީ އައްޔަދު އާއި އޭނަ އާއި ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ބާއޭ ޔޫހާގެ ހިތަށް އެރިއެވެ. އެމާނައިގައި ޒަރާނާ ބުނިކަމުގައި ވަނީނަމަ އެއީ ގޯހެކެވެ.
“އަޔާބެއަށް އެނގޭ ކިޔާންއަށް އެންމެ ކަމުދަނީ އައިސްކްރީމްކަން، އެހެންވެ އައިސްކްރީމް ގެނެސްދިނީ” ޒަރާނާ ކިޔާންގެ އަތަށް ކޮތަޅު ދިނުމުން އައްޔަދު ކިޔާނަށް ގޮވާލައިފައި ބުނެލިއެވެ. ޔޫހާ ގޮނޑިން ތެދުވީ ދެންދާންވީއޭ ބުނާފަދަ ގޮތަކަށެވެ. ބަހެއްނުބުނި ކަމުގައިވިޔަސް އައްޔަދުއަށް ޔޫހާ ތެދުވެ ބަލާލިގޮތުން އެނގުނެވެ. ގޭގެ ދޮރުން އައްޔަދު އާއިއެކު ޔޫހާ އާއި ކިޔާން ނުކުތްއިރު ޒަރާނާވެސް ދޮރުމަތީ ހުއްޓެވެ. އެންމެ ފަހުވަގުތުވެސް ކިޔާން ދޮރުން ނުކުތުމުގެ ކުރިން އެކުއްޖާގެ ދެކޮލުގަ އާއި ނިތުގައި ޒަރާނާ ބޮސްދިނެވެ. އަދި އެގެއަށް އަންނަންވާނެކަމަށް ކިޔާން ގާތު އާއި ޔޫހާ ގާތު އެތަށް ފަހަރެއްގެ މަތިން ޒަރާނާ އެދުނެވެ.
“އަޔާ މަންމަ ވަރަށް ރަނގަޅު ދޯ” ޔޫހާ އައްޔަދުގެ ކާރަށް އަރާ އުނގުގައި ކިޔާން ބައިންދާލުމާއިއެކު ބުނެލިއެވެ.
“އަހަރެން ބުނީމެއްނު މަންމަ ވަރަށް ކޫލް ވާނެއޭ، މަންމައަށް ޔޫހާ ވަރަށް ކަމުގޮސްފި، އެހެންނޫންނަމަ ނުބުނާނެ އަދި އެހެންފަހަރަކުން ގެއަށް އަންނަންވާނެއޭ، އަހަރެން ލައިކްވާ ކުއްޖެއްދެކެ މަންމަވެސް ލައިކްވާނެކަން އޭރުވެސް އަހަންނަށް އެނގޭ…” އައްޔަދު ކާރު ދުއްވަމުން ޔޫހާއަށް ބުނެލިއެވެ.
“އެހެންތަ” ޔޫހާ ހީނލާފައި ބުނެލިއެވެ.
“ގަބޫލު ނުކުރެވެނީތަ….އަސްލު ޔޫހާ ފެންނަ ކޮންމެ މީހަކަށްވެސް އެހެންވާނެ ދޯ…ތީ ވަރަށް ޚާއްޞަ ސިފަތަކެއްލިބިފައިވާ އަންހެން ކުއްޖެއް” އައްޔަދު ބުނެލިއެވެ.
“ސާބަސް، އައްޔަދުއަށްވުރެ އަހަރެން ބޮޑުވާނެކަން ޔަގީން، އަނެއްކޮޅުން އަހަރެންގެ ދަރިއަކުވެސް އެބަހުރި، އެއީތަ ތިބުނާ ޚާއްޞަކަމަކީ” ޔޫހާ ގަބޫލުނުކުރާފަދަ ގޮތަކަށްބުނެލިއެވެ.
“އެމީހަކު އަމިއްލައަށް އޭނައަށް ޙާއްޞަ ސިފަތަކެއްލިބިފައިވާކަން ދެނެގަންނަން އުނދަގޫވާނެ، ނޫނީ ބައެއްފަހަރަށް އަމިއްލަ ނަފްސަށް އަމިއްލައަށް ތައުރީފްކުރުމަކީ ވަރަށް މަދުމީހުން ކުރާކަމެއް، އެމީހުންގެ ތެރޭގައި ޔޫހާ ނުހުމެނޭކަން ޔަގީން، އެހެންވެ ޔޫހާގެ ޚާއްޞަކަން ފާހަގަ ނުކުރެވިގެން ތިއުޅެނީ، އަހަރެން ބުނީމަ ގަބޫލުކުރޭ” އައްޔަދު ބުނެލިއެވެ.
އައްޔަދުގެ ކާރު ޔޫހާގެ ގޭގެ ދޮރުމައްޗަށް މަޑުކޮއްލުމާއިއެކު ޔޫހާ ކިޔާން އުރާލައިގެން ކަހަލަ ގޮތަކަށް ކާރުން ފޭބިއެވެ. އަދި ދެމައިން އެކުގައި އައްޔަދުއަށް ސަލާމްކޮއްލުމަށްފަހު ދަނީއޭ ބުނެ ގޭތެރެއަށް ވަދެ ދޮރޯށިލެއްޕިއެވެ. ސިޓިން ރޫމަށްވަތްއިރު އަފްލީން ގޭގައި އުޅެއެވެ. ކިޔާން ފެނުމާއިއެކު ކޮންތާކަށް ގޮއްސަތޯ އައީ ސުވާލުކުރަންފެށިއެވެ. ޔޫހާއަށް އެއްވެސް ކަމެއް އޮޅުންފިލުވާދޭކަށް ނުޖެހުނެވެ. ކިޔާން ފެށީނުއްސުރެން ނިމެންދެން ހިނގި ހުރިހާ ކަމެއްގެ ވާހަކަ ކިޔާލައިފިއެވެ. ޔޫހާ ޒަރާނާމެންގޭން ކިޔާންއަށް ދިން ހަދިޔާ ކޮތަޅު ބަލާލިއެވެ. އޭގައި ހުރީ ޗޮކުލެޓާއި މެދުސައިޒުގެ އައިސްކްރީމު ތައްޓެކެވެ. ހުރިހާ އެއްޗެއް ނަގާ އައިސް އަލަމާރިއަށް ލިއެވެ. ކިޔާން ހަމައެވަގުތު އައިސްކްރީމް ބޯން ބޭނުންވިއެވެ. ޔޫހާ ނުދޭން އުޅުމުން ކުޑަކޮށް ބޮޑާހާކާލިއެވެ. ޔޫހާ ކިޔާންއަށް އޭނަ ބޭނުންވާގޮތް ހަދާދީފައި ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮއްލައިގެން އެނދުގައި ޖައްސާލިއެވެ. ވަރުބަލިވެގެންނެއް ނޫނެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައި ވަރަށް ގިނަކަންތައްތައް ހިނގަމުންއެބަދެއެވެ. ޒައުލްމެންގެއަށް ދާއިރު އޭނަ ލައިގެން ދާނެ ހެދުމަކާއި އަދި ޢަމަލްތައް ބަހައްޓަންޖެހޭނެ ގޮތަކާއިމެދު އޭނަ ވިސްނަމުންދިޔައެވެ. ކިޔާން ގޮވައިގެން ދާނީބާއޭ ނޫނީ ޒައުލް އެދިފައިވާ ގޮތަށް ޔޫހާ އެކަނި ދާންވީބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އެވެސް ހައްލުނުވެފައިވާ ކަމެކެވެ.
ލާއިގާ ހަވީރުގެ ސައިތައްޔާރު ކުރީ އެހެން ދުވަސް ދުވަހާއި ހިލާފަށް ތަފާތު ވައްތަރުތައް ސުފުރާމަތީ ގިނަކޮއްލާފައެވެ. ގެއަށް މެހެމާނެއް އަންނަން އުޅޭކަން އީލާކްއަށް ވަގުތުން ނަގައިގަނެވުނެވެ. އަދި އެކަމާ ލާއިގާގެ ގާތުގައި ސުވާލުކުރިއެވެ.
“ދަރިފުޅު ދޮންބެގެ ރައްޓިހި ކުއްޖެއް އަންނާތީ” ލާއިގާ ސުފުރާމަތީ ގޭގައި ގެންގުޅޭ ކުއްޖާ ތަށިތައްއަތުރާފައި ވަނީ ރަނގަޅަށްތޯ ބަލަންހުރެ ބުނެލިއެވެ.
“ހަމަތެދެއްތޯ މާމާ، ދޮންބެގެ ގާލްފްރެންޑް އަންނަނީތޯ” ކުއްލި އުފާވެރިކަމެއް އިލާކްއަށް ލިބުނުފަދަ ގޮތަކަށް ބުނެލިއެވެ.
“އެކަމަކު ބުނަން، ދަރިފުޅު މާ އަނގަގަދަ ނުވައްޗޭ މިއަދު، އެއީ ދޮންބެގެ ގާލްފްރެންޑެއް ނޫނޭ، އެހެން ދެން ނުކިޔާތި….މެހެމާނުން ތިބޭ ގަޑީގައި ބޭކާރު ވާހަކަދައްކާކަށް ނުވާނެ” ލާއިގާ އީލާކަށް ބުނެލިއެވެ.
“ލައްބަ، މާމާ…ދޮންތަ ނެތީމަ ހީވަނީ އެހެންގޮތެއްހެން، އަޅުގަނޑު ފޫހިވެގެން މިއުޅެނީ….އެންމެ ރަނގަޅުތޯ މިރޭ އަޅުގަނޑުގެ ރަޙުމަތްތެރިންނާއިއެކު ބޭރަށް ގޮސްލިޔަސް” އީލާކް ފޫހިކަން އެކުލެވޭފަދަ ރާގެއްގައި ބުނެލިއެވެ. އީލާކްއަށް ލާއިގާގެ ފަރާތުން ޖަވާބެއް ލިބުނީ އިރުކޮޅެއްފަހުންނެވެ.
ގޭތެރެއަށް ވަދެގެން އައި ޒައުލް އޭނަގެ ކޮޓަރި އާއި ދިމާލަށް ދިޔައިރު ކަރުގައި އަޅާފައި އޮތް ޓައީ އޮތީ އޭނަގެ އަތުގައެވެ. އަވަހަށް ކޮޓަރިއަށްވަދެ ދޮރުލެއްޕި ގޮތަށް ފާހާނާއަށް ވަނުމަށް ތައްޔާރުވިއެވެ. އަތުކުރީގައި އޮތް ގަޑި ރީތިވާ މޭޒުގެ މަތީ ބާއްވަމުން ގަޑިންވީއިރެއް ބަލާލިއެވެ. އޭރު ފަހެއްޖަހަން ފަނަރަ މިނެޓަށްވެއްޖެއެވެ.
“އޯ ނޯ….ޔޫހާ….” މިހެން ބުނެލާފައި ގޮސް ފާހާނާއަށްވަދެއްޖެއެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ނުކުމެ ހެދުންތައްލާފައި ހުރި ބޮޑުއަލަމާރީގެ ދޮރުފަތް ކަހާލިއެވެ. ތެތްކަން އެކުލެވިފައިވާ އިސްތަށިގަނޑުގައި އަތްހާކާލެވުނީ ލާނެއެއްޗެއް ނޭގިގެންނެވެ. ގަމީހެއްކަމެއް ޓީޝާޓެއްކަމެއް ލާނީ ޒައުލްއަށް ނޭގުނެވެ. އޭގެ އިތުރުން ލާނީ ކޮންކުލައެއްކަމެއްވެސް ނޭގުނެވެ. ވަގުތުނެތިގެން އުޅޭމީހަކުހެން އޭނަ ހާސްވެގެން ދެކޮޅަށް އެނބުރެންފެށިއެވެ. އެންމެ ފަހުން ގަމީސްބައި ލައްޕާލާފައި ޓީޝާޓުތައް އަޅުވާފައި ހުރިބައިން ޓީޝާޓެއްނެގިއެވެ. ގަމީސްލުމުން އޭނަގެ ގައިގާ މާރަސްމީ ވައްތަރު ޖަހާފާނެތީއެވެ. ގަދަކުލައެއްގެ ޓީޝާޓުގައި ހުރި ޒައުލް އެންމެ ފަހުކަމެއްގެ ގޮތުގައި އަތުކުރީގައި އޮންނަ ގަޑިއަޅާލިއެވެ. އަދި ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު ފޯނުވީ ހިސާބެއް ހޯދާލުމަށް ހުއްޓުހުރި ލޯގަނޑަށް ފުރަގަސްދިނެވެ. ހަމައެވަގުތު އޭނަގެ ފޯނު ރިންގުވެއްޖެއެވެ. ފޯނަށްވުރެ ކުރިން އަތުކުރީ އޮތް ގަޑިއަށް ބަލާލެވުނެވެ. ގަޑިން ފަހެއްޖެހީއެވެ. ތުންފަތަށް ލުއިލުއި ހިނިތުންވުމެއްވެރިވުމާއިއެކު ޒައުލް ބޭލި ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ގުޅީ ޔޫހާއެވެ.
“ހެލޯ…” ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. އަދި ކޮޓަރިން ބޭރަށް ނުކުތެވެ.
“މިހިރީ ގޭޓު ކައިރީ…ވަންނަންވީތަ” ޔޫހާ އަހާލިއެވެ. އޭނަގެ އަޑުންވެސް ނުކެރިފައި ހުރިހެން ޒައުލްއަށް ހީވިއެވެ. ޔޫހާ ގާތު އެތެރެއަށް ވަދެގެން އައުމަށް ބުނަމުން ޒައުލްވެސް ހިނގައިގަތީ ޔޫހާ އާއި ބައްދަލުކުރުމަށެވެ. ގޭން ބޭރަށް ނުކުތުމުގެ ކުރިން ކާކޮޓަރީގައި ހުރި ލާއިގާއަށް ޔޫހާ އަތުވެއްޖެކަން ޒައުލް އަންގާލިއެވެ. އަދި ބޭރަށް ނުކުތްއިރު ޔޫހާ އެތެރެއަށް ވަދެގެން އަންނަނީއެވެ. ޔޫހާ ފެނިފަ ޒައުލްއަށް ހުއްޓުންއެރިއެވެ. އޭނަގެ ދެލޯބޮޑުވެ އަވަސް އަވަހަށް ފަހަތަށް ސިޓިން ރޫމު ދޮރާ ދިމާލަށް ބަލާލެވުނެވެ. އެއާއިއެކު ޔޫހާގެ ގާތަށް އޭނަ ދިޔަގޮތްވެސް ނޭގުނެވެ. އައިގޮތަށް އައިސް ޔޫހާގެ އަތުގެ މުލައްދަނޑީގައި ހިފާ ދެބުމަށް ގޮއްޖަހާލަމުން ޔޫހާއަށް ބަލާލިއެވެ.
“ޑެޑީ…މީ ޑެޑީގެ ގެތަ” ކިޔާން ވަށައިގެން ހޯދަމުން ޔޫހާގެ ދާދިގާތުގައި ހުރި ޒައުލްއަށް ބުނެލިއެވެ. ޒައުލް އެއްޗެއް ބުނަންވެގެން އުޅެފަވެސް ކިޔާންއަށް ބަލާލާފައި އޭނަ ހުއްޓުނެވެ. އަދި ދެދަތްޕިލާ ޖައްސާ ބާރުކޮއްލަމުން ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ނިތްކުރީގައި ހިފަހައްޓާލެވުނެވެ.
“އަހަރެން ޔޫހާ ކައިރީ ބުނިއެއްޗެއް ނޭގުނީތަ، ނޫނީ ރަނގަޅަށް ސާފުނުވާފަދަ ގޮތަކަށްތަ އަހަންނަށް ބުނެވުނީ…” ޒައުލް ދެދަތްޕިލާ ޖައްސާ ބާރުކޮއްގެން ހުރެ ސިއްރު ސިއްރުން ބުންޏެވެ. ޔޫހާ އޭނަގެ ނިންމުން އެގޮތަށް ނިންމީ ކީއްވެކަން ޒައުލްއަށް ވިސްނައިދޭން އަނގަހުޅުވާލިތަނާހެން އީލާކް ޒައުލްއަށް ގޮވާލިއަޑުއިވުނެވެ. އެއަޑަށް ޒައުލް ޔޫހާގެ އަތުން ދޫކޮއްލާފައި އެނބުރި އީލާކްއަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އަދި ޔޫހާއަށް އަތުގެ އިޝާރާތުން އޭނައާއިއެކު ކުރިއަށް ދިއުމަށް އަންގާލަމުން ހިނގައިގަތެވެ.
“ޕްލީޒް…މިވަގުތަކީ މިހުރިހާކަމެއްގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން…ޔޫހާ ވިސްނާފަ ނޫނީ އެއްޗެއް ނުބުނާނެކަމަށް އަހަރެން ހީކުރަން” ސިޓީން ރޫމު ދޮރުން ވަދެވަދެ ހުރި ޔޫހާގެ އުނަގަނޑުގެ ފަހަތުން ޒައުލް އަތްޖައްސާލަމުން އޭނަގެ ކަންފަތްކައިރީ ސިއްރުން ބުނެލިއެވެ. އޭރު ހިނިތުންވެލައިގެން ސިޓިން ރޫމުތެރޭ އެއްފަރާތެއްގައި ހުއްޓިލައިގެން ލާއިގާ ހުރިތަން ޔޫހާއަށް ފެނެއެވެ.
ހާސްވެކަންބޮޑުވެފައި ހުރި ޒައުލް އެކަން އޭނަގެ މޫނުމަތިން ނުދެއްކުމަށް ލާއިގާއަށް ހިނިތުންވެލިއެވެ. ޔޫހާގެ އުނަގަނޑުގެ ފަހަތުން ޒައުލް ޖައްސާލިއަތް އެތެރެއަށްވަދެގެން އައިއިރުވެސް ދުރުކޮއްނުލައެވެ. ކިޔާން ހިފައިގެން ހުރި ޔޫހާގެ އަތްތިލައަށް ކުޑަކޮށް ބާރުކޮއްލުމާއިއެކު ޔޫހާ ކިޔާނަށް ބަލާލިއެވެ. އެތުއްތު މޫނުމަތިންވެސް ޖެހިިލުންވެފައިހުރިކަމުގެ އެއްވެސް ނިޝާނެއް ޔޫހާއަށް ނުފެނުނެވެ. ލާއިގާ ޒައުލް އާއި ޔޫހާއަށް ހިނިތުންވެލުމާއިއެކު ޔޫހާގެ އަތުގައި ހިފައިގެން ހުރި ކިޔާންއަށް ބަލާލިގޮތަށް އޭނަ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
“މާމާ…ޔޫހާ…” ޒައުލްގެ އަޑު ދާދިގާތުން އިވުނެވެ. ލާއިގާއަށް ސިހިފައި ޒައުލްގެ މޫނަށް ބަލާލެވުނެވެ. އޭރު ލާއިގާގެ މޫނުމަތީގެ ކުލަވަރުތައް ހުރިގޮތުން ހީވަނީ އޭނައަށް ބިރުވެރި މަންޒަރެއްފެނިގެން ހުއްޓުން އަރާފައި ހުރިހެނެވެ. ޒައުލް ދެވަނަ ފަހަރަށް ލާއިގާއަށް ގޮވާލިއެވެ. ލާއިގާ އެއްފަހަރު ޒައުލްއަށް ބަލާލަމުން އަނެއްފަހަރު ކިޔާންއަށް ބަލާލިއެވެ. އަދި އޭނަގެ އަތްތިލަ މަޑުމަޑުން ކިޔާންގެ މޫނުގައި އަތްލުމަށް ދިއްކޮއްލެވުނެވެ. އެހެންނަމަވެސް އޭނަ ކުއްލިއަކަށް އަތްދަމައިގަންނަމުން އެއަތްތިލާގައި އަނެއްއަތުން ހިފަހައްޓާލިއެވެ. އަދި ބިރުވެރި ހުވަފެނަކުން ހޭލަން ބޭނުންވެފައިވާ މީހަކު ފަދައިން ދެލޯމަރާ ބާރުކޮއްލުމަށްފަހު ދެފަރާތަށް ބޯހޫރުވާލިއެވެ. މީދުވަހަކުވެސް ލާއިގާއަށް ވީގޮތެއްނޫނެވެ.
“ޔޫ….ޔޫހާ، ކިހިނެއްތަ، މީ ހުރިހާ ކުދިންގެ މާމަ އިނގޭ” ލާއިގާ ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އަދި ކާކޮޓަރި އާއި ދިމާލަށް އަތުން އިޝާރާތްކޮއްލަމުން ސައިތައްޔާރުކޮއްފައި ހުންނާނެކަމަށް ބުންޏެވެ. ވާހަކަ އިތުރަށް ކުރިއަށް ގެންދާނީ ސަޔަށް އިންސާފުކޮއްލާފައި ކަމަށް ބުނެލިއެވެ. ލާއިގާ ވާހަކަދައްކަނިކޮށް ސިޑިންފައިބައިގެން އައި މަންސޫރު ޔޫހާއަށް ފެނުނެވެ. އުމުރުން ދުވަސްވެފައި ވިޔަސް އަދިވެސް ވަރަށް ސްމާޓެވެ. ޒައުލްއަށް ލިބިފައި އެވަނީ އެސްމާޓްކަމެވެ. ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ކިޔާންވެސް ހުންނާނީ އޭނަގެ ބައްޕަ ހެންނެވެ. މިހިޔާލު ހިތަށްވަނުމާއިއެކު މާނައެއްނެތްގޮތެއްގައި ޔޫހާއަށް ހިނިތުންވެލެވުނެވެ.
“ބައްޕާ…މީ ޔޫހާ…” ޒައުލްއަށް ބަލަހައްޓައިގެން ހުރެ ސިޑިން ފައިބައިގެން އައިސް އެމީހުންގެ ގާތުގައި ހުއްޓުނު މަންސޫރަށް ޒައުލް ބުނެލިއެވެ. ފުރަގަސް ދީގެން ހުރި އީލާކް އެއްފަރާތަކަށް ޖެހިލަމުން މަންސޫރަށް ބަލާލީ އެވަގުތުއެވެ. ހަމައެއާއިއެކު މަންސޫރަށްވެސް ކިޔާންފެނިއްޖެއެވެ. އޭނަގެ މޫނުމަތިންވެސް ފެނިގެންދިޔައީ ލާއިގާގެ މޫނުމަތިން ފެނިގެން ދިޔަފަދަ ކުލަވަރުތަކެކެވެ. ހިނިތުންވެލުން ފިޔަވާ އިތުރުއެއްވެސް ކަމެއް މަންސޫރުނުކުރިއެވެ. ލާއިގާ އާއި މަންސޫރު ކުރީގައި ތިބެ ކާކޮޓަރިއަށް ވަނުމަށްދިޔައެވެ. އެމީހުންގެ ފަހަތުގައި ހުރި އީލާކް އަވަސް އަވަހަށް ޔޫހާގެ ގާތަށް ޖެހިލަމުން އަމިއްލައަށް ތަޢާރަފްވެލިއެވެ.
“ދޮންބެ އާއި މެރީކުރަންތަ ތިއުޅެނީ….” އީލާކް ވިސްނުމަކާއިނުލާ އޭނަގެ ހިތަށް އައިސުވާލެއްކޮއްލިއެވެ. ޔޫހާ ހާސްކަމާއިއެކު ޒައުލްއަށް ބަލާލިއެވެ.
“އީލާކް….” ޒައުލް ދެލޯ ބޮޑުކޮއްލަމުން އީލާކްގެ ނަންދަމާލާފައި ކިޔާލިއެވެ. ލާނެތްގޮތަކަށް އީލާކް ހީނލާފައި އަނގަމަތީ އަތްއެޅިއެވެ. ދެންއިތުރަށް އެއްވެސް އެއްޗެއް ނުބުނާނަމޭ ބުނާފަދަގޮތަކަށެވެ. މިތަން ފެނިފަ ޔޫހާވެސް ކުޑަކޮށް ހިނިތުންވެލިއެވެ.
ކާމޭޒުުދޮށުގައި އާއިލާގެ މެންބަރުން ތިބިއިރު އެކަކުވެސް ވާހަކައެއްނުދައްކައެވެ. އީލާކް ކޮންމެވެސް އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ލާއިގާއަށް ބަލާލަނީއެވެ. މަންސޫރު އާއި ލާއިގާގެ ނަޒަރުވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ޔޫހާއަށްވެސް އެކަން ފާހަގަ ކުރެވިއްޖެއެވެ. ހުދު އޭނައަށްވެސް މިހާރު ދެތިން ފަހަރަށް ކިޔާންގެ މޫނަށް ބަލާލެވިއްޖެއެވެ. އެކުއްޖާގެ މޫނުގައި އެއްޗެއް ހުރީކަމަށް ހީކޮށެވެ. އެއްގޮތަކަށްވެސް ލާއިގާ އާއި މަންސޫރުގެ ހިތުގައިވާއެއްޗެއް ޔޫހާއަކަށް ނޭގެއެވެ.
“ކޮއްކޮ ނުކާނަން…” ކުރިމަތީހުރި ތަށި މަޑުމަޑުން ދުރަށް ޖައްސާލަމުން ކިޔާން ޔޫހާގެ އަތަށް ދަމާލާފައި ބުނެލިއެވެ. އާދަޔާއި ހިލާފު ހިމޭންކަން ފުނޑު ފުނޑުކޮއްލީ ކިޔާނެވެ. އެހެންނަމަވެސް އެކަމާ ޒައުލް ކަންބޮޑުވިއެވެ. އިތުރު އެއްޗެއް ކިޔާން ބުނުމުގެ ކުރިން ޒައުލް ވާހަކަދެއްކިއެވެ. އޭނައަށް ކިޔާންގެ ގޮތް މިހާރު ކޮންމެވެސްވަރަކަށް އެނގެއެވެ. އެއްތަނެއްގައި މާގިނައިރު ހިމޭނުންއިނުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ. ޔޫހާއެކޭ އެއްގޮތަށް ޒައުލްއަށްވެސް ލާއިގާ އާއި މަންސޫރުގެ ނަޒަރު ކިޔާންއަށް ހުއްޓިފައިވާކަން ފާހަގަވިއެވެ. ކީއްވެކަންވެސް އޭނައަށް އެނގެއެވެ. ކިޔާން ގެންނަން ބޭނުންނުވީވެސް އެސަބަބާހެދިއެވެ. ކިޔާންއަށް ލިބިފައިވާ ސިފައަކީ އޭނަގެ ފަރާތުން ލިބިފައިވާ ސިފައެކެވެ. އެކަމަކު ކިޔާންގެ ވާހަކަދެއްކުމާއި އެއްތަނެއްގައި މާގިނައިރު މަޑުން ހުރުން އުނދަގޫވުމަކީ އޭނަގެ ފަރާތުން އައިސްފައިވާކަމެއްނޫނެވެ. އެއީ ޔޫހާގެ ގޮތެވެ. އެންމެ ފުރަތަމަ އޭނަ އާއި ޔޫހާ ބައްދަލުވެ ދެމީހުން އެކަކުއަނެކަކަށް ދަސްވިކަމަށް ހީކުރެވުނު ދުވަސްވަރު ޔޫހާގެ ޢަމަލްތަކާއި ވާހަކަތަށް ހުންނަނީ އެގޮތަށެވެ. ނަމަވެސް މިހާރު އޭނަ ނޫން މީހަކަށް ޔޫހާގެ އެސިފަތަކެއް ނޭގޭނެއެވެ. މިހާރު ޔޫހާ އާއި ބައްދުލާ ކޮންމެ މީހަކަށް ފެންނާނީ އޭނަގެ ލަދުވެތިކަމާއި މަޑުމައިތިރިކަމެވެ. އެހާވެސް ބޮޑު ތަފާތެއް ޔޫހާއަށް އައިސްވެއެވެ.
“އައިސް ކްރީމް ކާނަން….” ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. ކިޔާން ހިނިއައިސްފައި ޔޫހާއަށް ބަލާލިއެވެ. ޔޫހާ މަނާކުރަން ބޭނުންވިޔަސް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެފުރުޞަތުގެ ބޭނުންހިފާ ކިޔާން އަވަސް އަވަހަށް އާއެކޭ ބުނެލުމަށް ބޯޖަހާލިއެވެ. ޒައުލް އެތަނުގައި އަޑުއިވޭ ހިސާބުގައި ހުރި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ކިޔާންއަށް އައިސް ކްރީމް ގެނެސްދިނުމަށް ބުންޏެވެ. އެވަގުތު އީލާކް އޭނައަށްވެސް އައިސްކްރީމް ގެނެސްދިނުމަށް ބުންޏެވެ. ހަމަޖެހިލައިގެން އިންނަން ކިތަންމެ މަސައްކަތް ކުރިޔަސް ޔޫހާއަށް ލާނޭވާވެސް ލެވެނީ ވަރަށް މަޑުމަޑުން ވަރަށް ބަލައިގެންނެވެ. އެހާމެ ސިއްރުންނެވެ. ކޮންމެ ހަރަކާތެއްގައިވެސް އަބުއިކަން އެކުލެވިފައި ހުންނަންޖެހޭތީއެވެ.
ސައިބޮއެ ނިމިގެން ލާއިގާ އާއި މަންސޫރު ހިނގައިގަތީ ސިޓިންރޫމުގައި ހުރި ސޯފާތަކާއި ދިމާލަށެވެ. އެމީހުންނާއިއެކު އައުމަށް ޔޫހާއަށްވެސް އިޝާރަތްކޮއްލިއެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔޫހާ ކިޔާންގެ އަތުން ދޫކޮއްނުލިއެވެ. އީލާކްގެ ސަމާސާތަކުން ކިޔާންވެސް ހުރީ ސަކަރާތްޖަހާލަން ދާންބޭނުންވެފައެވެ.
“މަންމީ…މީ ޑެޑީގެ ހައުސްތަ؟ ހާދަ ބޮޑޭ ދޯ ޑެޑީގެ ހައުސް…” ސޯފާގައި އިށިންނަން އައި ޔޫހާ އާއި ޒައުލް ދިޔައީ ކިޔާންގެ މިވާހަކައިން ސިހިގެންނެވެ. ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުމާއިއެކު ލާއިގާ މެންނަށް ބަލާލެވުނެވެ. ކިޔާން ދެވަނަ އެއްޗެއް ބުނަން އުޅެނިކޮށް ޔޫހާ ހުޝްލައްވާލަމުން އެއްވެސް އެއްޗެއް ނުބުނުމަށް ކިޔާންއަށް އަންގާލިއެވެ. ކިޔާންއަށް ޔޫހާ ހިތްހަމަނުޖެހުނީކަން އެނގުމުން އަވަހަށް ބަސްއަހާކަމަށް ހެދި ގޮތްދައްކާލިއެވެ. ލާއިގާ އާއި މަންސޫރުގެ އިތުރުން އީލާކްވެސް ވަނީ ބޮޑު ސިހުމެއްގެތެރޭގައެވެ. އެންމެންގެ މޫނުމަތިން އެމީހުން އަހަން ބޭނުންވެފަތިބި ސުވާލުތައް ޔޫހާ އާއި ޒައުލްއަށް މިހާރުވެސް ސިފަވާންފަށައިފިއެވެ.
“ޒައުލް…ދަރިފުޅު ދާންވީނު ކިޔާންއަށް ތަންތަން ދައްކާލަން” ލާއިގާ ހިނިތުންވެލާފައި މިހެން ބުނިކަމުގައި ވިޔަސް އަޑުގައިވަނީ ހަރުކަށިކަމެއް އެކުލެވިފައެވެ.
“މާމާ، ރަނގަޅުވާނެ ކިޔާން ނުގެންދިޔަޔަސް، ކިޔާން މިތާ ޓީވީ ބަލާލަން އަހަރުމެންނާއިއެކު އިނދެދާނެ” ޒައުލް މިހެން ބުނެލީ ޔޫހާ އެކަނިކޮއްލާފަ ދާން ބޭނުންނުވެގެންނެވެ.
“ޒައުލް…” ލާއިގާ ޒައުލްއަށް މިފަހަރު ބަލާލީ އޭނަ ބުނިގޮތަށް ކަންތައްކުރާށޭ އަމުރުކުރާފަދަ ގޮތަކަށެވެ. ޒައުލްއަށްވެސް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކިޔާންގެ ގައިގާ ހިފަހައްޓާލައިގެން އިން ޔޫހާގެ އަތުގައި ޒައުލް އަތްޖައްސާލީ އެހެންމީހުންނަށް ނުފެންނާނޭފަދަ ގޮތަކަށެވެ. އަދި ގިނައިރެއްނުވެ ކިޔާން ގޮވައިގެން އެތަނުން ޒައުލް ދިޔައެވެ. ލާއިގާ އީލާކްއަށްވެސް އެންގީ ޒައުލް އާއިއެކު ދިއުމަށެވެ. އީލާކްއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ.
“ޔޫހާ….ޔޫހާގެ ދަރިއެއްތަ އެއީ” ލާއިގާ ދުރުދުރުން އޮޅުން ފިލުވުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް އޭނަގެ ހިތުގައި އޮތް ސުވާލުކޮއްލިއެވެ. ޔޫހާ މަޑުމަޑުން ހޫމް ލައްވާލަމުން ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ސޯފާގައި ކުޑަކޮށް އިށީނދެ ދެފައިކައިރިކޮއްލައިގެން އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ ޖޯޑުކޮށް ބާރުކޮއްލައިގެން އިނީ ލާއިގާ އާއި މަންސޫރުކޮއްފާނެ ސުވާލަކަށް ތައްޔާރުވެ އިންހެނެވެ.
“ކިތައް އަހަރުތަ” ދެންވެސް ސުވާލުކުރީ ލާއިގާއެވެ. ޔޫހާއަށް އެސުވާލުގެ ސަބަބުން އޮޅުން އަރާގޮތްވިއެވެ. އެއީ ލާއިގާ އޮޅުން ފިލުވަން ބޭނުންވީ އޭނަގެ އުމުރުކަމެއް ނޫނީ ކިޔާންގެ އުމުރުކަމެއް ސާފުނުވުމުންނެވެ.
“އަޅުގަނޑަށްތޯ” ޔޫހާއަށް އަހާލެވުނެވެ.
“ނޫން، ދަރިފުޅަށް….” ލާއިގާ ބުނެލިއެވެ. ޔޫހާ އޭގެ ޖަވާބުދިނުމުން ކުޑައިރުކޮޅަކަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ.
“ކައިވެނި ކުރަންތަ ބޭނުންވަނީ” މަންސޫރު ހައިރާންކަމާއިއެކު އަހާލިއެވެ.
“ޒައުލް…ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން” ޔޫހާ ޖެހިލުންވެފައި އިނދެބުނެލިއެވެ.
“އޭގެ މާނައަކީ ޔޫހާ ކައިވެނި ކުރާކަށް ބޭނުމެއްނުވެއޭތަ؟” ލާއިގާ އަވަސް އަވަހަށް އަހާލިއެވެ. އިސްޖަހާލައިގެން އިން ޔޫހާއަށް ކުއްލިއަކަށް ލާއިގާއަށާއި މަންސޫރަށް ބަލާލެވުނެވެ. ބުނަންނުކެރިފައި އިނދެވެސް އެންމެފަހުން ޔޫހާ އޭނަވެސް ޒައުލް އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ.
“ކިޔާންގެ ބައްޕަ ކޮބާ….ޔޫހާގެ ދަރިއަކަށް ކިޔާން ވަންޏާ އޭނަގެ ބައްޕަވެސް ހުންނާނެތާ، ވަރިކޮއްފަތަ ހުންނަނީ” ލާއިގާ ޖެހިލުމެއްނެތި ބުނެލިއެވެ. އޭނައަށް ރީތި ގަހަނާ އާއި ރީތި ހެދުމުގެ ނިވަލުގައި އިން ޔޫހާގެ އަސްލު ސިފަ ހާމަވަމުން ދިޔަކަހަލައެވެ. އެންމެ ފުރަތަމަ ޕާޓީއިން ޔޫހާ ފެނުމުން ލާއިގާއަށް ދެވުނު ސަމާލުކަން މުޅިން ބަދަލުވެއްޖެއެވެ. ހީކުރިގޮތާއި ހިލާފަށް ނަތީޖާ ފެންނަންފެށުމުންނެވެ. ޔޫހާއަށް އޭނަގެ ދެއަތްތިލައަށް ބާރުކޮއްލެވުމާއިއެކު ނިތަށް ރޫއަރުވާލިއެވެ. ކިޔާންގެ ބައްޕަ އާއި ބެހޭގޮތުން އެމީހުން ސުވާލުކުރާއިރު އެކަން އެމީހުންގެ ގާތުގައި ބުނަންވީ ހުދު އޭނަބާއޭ ޔޫހާގެ ހިތަށް އަރަމުންދިޔައެވެ.
“ޔޫހާގެ މައިންބަފައިން ދިރިއުޅެނީ މިކޮޅުގަތަ؟ ޒައުލްވެސް އެދުނު ވީހާވެސް އަވަހަކާ ކައިވެނި ކުރަން، ހުރިހާކަމެއް ތިދެކުދިންގެ އާއިލާއަށްވެސް އެންގެންވާނެ ދޯ، ޒައުލްގެ މުސްތަޤުބަލަށް ވިސްނަންވެސް ތިބީ އޭނަގެ މައިންބަފައިން، ގިނަފަހަރަށް އަމިއްލައަށް ނިންމުމެއްނިންމަން ދޫކޮއްލައިފިނަމަ އޮންނަނީ ކޮންމެވެސް ކަހަލަ ގޯހެއް ހެދިފަ….އަމިއްލައަށް ބޮޑުވެއްޖެ ކަމަށް ކޮންމެ ކުއްޖަކުވެސް ހީކުރަނީ، މިގޭގަ ހުރިހާ ކަމެއްވެސް ނިންމާނީ ގޭގެ ބޮޑެތިމީހުން، އެނިންމުމަށް ގޭގެ ކުދިން ދެކޮޅެއް ނުހަދާނެ، އެއީ ބޮޑެތިމީހުން ނިންމާނީ ކޮންމެކަމެއްވެސް އެމީހުންނަށް އެންމެ ފައިދާކުރުވަނި ރަނގަޅުގޮތަށް ކަމަށްވާތީ….” ލާއިގާ ޔޫހާއަށް ކަމެއް އަންގާދޭން މަސައްކަތްކުރާކަހަލައެވެ.
“އަޅުގަނޑުގެ ބައްޕަވަނީ ނިޔާވެފަ، މަންމަ އާއި ދައްތަ މިހާރު އާއިލާގައި ތިބި ބަޔަކީ، އެމީހުން…އެމީހުން އުޅެނީ ރަށުގަ…” ޔޫހާއަށް ލާއިގާ އާކުރިމަތިލާކަށް ނުކެރުނެވެ. އެއަޑުއަހަން އިން ލާއިގާގެ ދެލޯބޮޑުކޮއްލެވުނެވެ. ޔޫހާގެ ފަރާތުން އެކަހަލަ ކިތަށް ހައިރާންކުރުވަނިވި ވާހަކަ އަޑުއިވޭނެބާއޭ އޭނަގެ ހިތަށް އެރިއެވެ. އެހިނދު މަންސޫރުއަށް ލާއިގާ ބަލާލިއެވެ. މަންސޫރުވެސް ނިތަށް ރޫއަރުވާލަމުން ލާއިގާއަށް ބަލާލެވުނީ ގަބޫލުނުކުރެވޭ ފަދަގޮތަކަށެވެ. ޒައުލް އެގެއަށް ގެނެސްގެން އެއުޅެނީ ކިހާފެންވަރެއްގެ ކޮންކަހަލަ އަންހެން ކުއްޖެއްކަމާއިމެދު އެމީހުންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. ޒައުލްގެ ނިންމުމާއިމެދު ލާއިގާގެ ރުހުން ލިބޭނެ މަގެއް އަދިނުފެނެއެވެ.
“ޔޫހާ މާލެއައީ ކޮންއިރަކު، ކިހިނެއް ޒައުލް އާއި ދިމާވީ، އެނގޭތަ އެއީ ކާކުކަން، ކާކުގެ ދަރިއެއްކަން، މީކިހާވަރެއްގެ އާއިލާއެއްކަން އެނގޭތަ….” ޔޫހާގެ ވާހަކަތަކުން އަޖައިބުވެފައިވާ ލާއިގާ އެހިއެވެ.
ލާއިގާގެ ސުވާލުތަކުން ޔޫހާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ލާއިގާ ދައްކާނެ ވާހަކައެއް ދައްކަންދެން ހިމޭނުން އިސްޖަހާލައިގެން ޔޫހާއިނެވެ. މަންސޫރު ދެފަރާތަށް ބޯހޫރުވާލާފައި ސޯފާއިންތެދުވެގެން ދިޔައެވެ. އެއާއިއެކު ލާއިގާ ސިއްރުގޮތަކަށް މަޑުމަޑުން ވާހަކަދައްކަންފެށިއެވެ.
“އަރާމު ދިރިއުޅުމެއް ބޭނުންވަނީ….އެހެންނު، އެކަމަކު ބުނަން، އަހަންނަށް ތިކަމާ ގަބޫލެއްނުވެވޭނެ…ހިތަށް އަރާ ޒައުލްއަށް ކިހިނެއްވެފަބާއޭ ހުރީ، ރީތި ސިފައެއްލިބުނެއްކަމަކު ކޮންމެވެސް ވަރެއްގެ ފެންވަރެއްވެސް ހުންނަންޖެހޭނެ، އަހަރެން ކޮންމެހެން ޔޫހާ އާއި ޒާތީގޮތުން އެއްޗެއްބުނަނީކީ ނޫން، ޒައުލްއަކީ އަހަރެންގެ ދަރިއެއް، އެދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދާދިނުމަކީ އަހަރެންގެ ޒިންމާއެއް، އަހަރެން ގަބޫލެއްނުކުރަން ޔޫހާ އާއި ކައިވެނިކޮއްގެން އަހަރެން އޭނައަށް ހޯދަދޭން ބޭނުންވާ އެއްވެސް ކަމެއް ހާޞިލްވެދާނެކަމަކަށް….އަދި އަމުދުން ދަރިއެއް ހުރިމީހަކާއި އިންނާކަށް އަހަންނަކަށް ގަބޫލެއް ނުވެވޭނެ، އަހަންނަކަށް ނޭގެ ޔޫހާ ކުޅެން ތިއުޅެނީ ކޮންކަހަލަ ނުބައި ކުޅިގަނޑެއްކަމެއް، އެކަމަކު މިއާއިލާއަށް ފާވަން ގަސްދުނުކުރޭ….ރަނގަޅުވާނީ ޒައުލްގެ މަތިން ހަނދާންނައްތާލިއްޔާ، އަހަރެން އެދޭ އެއްވެސް ކަމެއްގަ ޒައުލް ދެކޮޅެއް ނުހަދާނެ، ވީއިރު ޒައުލްގެ ފަރާތުން ދެންލިބޭނެ ޖަވާބު މިހާރު އެނގޭނެކަންނޭގެ……އިތުރަށް އަހަރެން ދައްކާނެ ވާހަކައެއްނެތް، އަހަރެންވެސް މިއަދަށްފަހު ހަނދާންނައްތާލާނަން މިގެއަށް ޔޫހާ ޒައުލް ގެނައިކަންވެސް، އެގޮތަށް ޔޫހާވެސް ރަނގަޅުވާނީ މިހުރިހާ ކަމެއް ހަނދާންނައްތާލިއްޔާ….އޭރުން މިކަން ބޮޑު މައްސަލައަކަށްނުވެ ނިމިދާނެ، ކުރިލިބެންނެތް ކަމަކާ އިތުރަށް ވިސްނުމަކީ ބޭކާރުކަމެއް، އެހެންވީމަ މިބުނިގޮތަށް ގަބޫލުކޮއްލައިގެން މިގެއިން ނުކުންނަންވާނީ” ލާއިގާ ކުއްލިއަކަށް ތެދުވިއެވެ. އަދި އެއްފަރާތުގައި ފެންނަން ހުރި ސިޑިއާއި ދިމާލަށް ގޮސް ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލިއެވެ.
“ކުޑަ ސާހަބްވީ މަތީ ޓެރެސްގަ ކަންނޭގެ، ބުނޭ އެކުޑަކުއްޖާ ގޮވައިގެން އަންނާށޭ” ލާއިގާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. އޭރު ޔޫހާވެސް ސޯފާއިން ތެދުވެ ލާއިގާއަށް ބަލަހައްޓައިގެން ހުއްޓެވެ. ލާއިގާ އޭނައަށް ބަލާލުމާއިއެކު އަވަސް އަވަހަށް އިސްޖަހާލިއެވެ. ކުރިންވެސް އޭނައަށް ޒައުލްގެ އާއިލާގެ ފަރާތުން ލިބޭނީ އެފަދަ ޖަވާބެއްކަން އެނގެއެވެ. އެހެންނަމަވެސް އޮޅުވާލުމެއްނެތި ލާއިގާއަށާއި މަންސޫރަށް އޭނަގެ ހާލަތު އޮޅުންފިލުވާދެވުމުން ކުޑަކުޑަ ހިތްހަމަޖެހުމެއް އެކަމުން ލިބުނެވެ.
ގިނައިރެއްނުވެ ޒައުލް ކިޔާން އުރާލައިގެން ސިޑިންފައިބާތަން ޔޫހާއަށް ފެނުނެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެއްކަމުގައި ޔޫހާއަށް ވިއެވެ. އެކަމަކު އެމަންޒަރަކީ ޔޫހާއަށް ފެންނަ ހުވަފެނެއްފަދައެވެ. މިހާރުވެސް މީހަކު އޭނައަށް އެހުވަފެނުން ހޭލުމަށް ގޮވާލައިފިއެވެ. އަދި އެގޮތަށް ކަންތައް ކުރަން އޭނަގެ އަމިއްލަ ނަފްސަށް މަޖުބޫރުކުރަން ޖެހިފައިވެއެވެ. ޒައުލް ސިޑިންފައިބައި ކިޔާން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކު ކިޔާން ދުވެފައި އައިސް ޔޫހާގެ ގައިގާ އޮޅުލައިގަތެވެ.
“މަންމީ، ޑެޑީގެ ބޮޑު ބޮޑު ހައުސްއެއް އޮންނަނީ، ޑެޑީ ބުނީ ކޮއްކޮ އާއި މަންމި މިހައުސްއަށް ވަރަށް އަވަހަށް ގެންނާނަމޯ…ކޮއްކޮ ބޭނުންވަނީ ޑެޑީ އާއިއެކު މި ބޮޑު ހައުސްގަ އުޅެން، މަންމިއަށް އެނގޭތަ، ޑެޑީގެ ކޮޓަރީގަ ބޮޑު ބޮޑު ޓީވީއެއް ހުރޭ….” ކިޔާން އުފަލުން ހީވަނީ އުއްދުއްސައިގަނެދާނެހެންނެވެ. ޔޫހާ ކިޔާން އުރާލުމާއިއެކު އެމައުސޫމު މޫނުގެ ދެކޮލުގައި ބޮސްދިނެވެ.
“މިހާރު އެއޮތްގެން ރޭގަނޑުވަނީ، ދެން ހިނގާ ގެއަށްދަމާ” ޔޫހާ އާމުކޮއް ކިޔާނާއި ވާހަކަދައްކާ އޯގާތެރި ރާގުގައި ބުނެލިއެވެ. އެއްވެސް ބަދަލެއް އައިސްފައި ހުރިކަމެއް ޒައުލްއަށްވެސް ފާހަގައެއް ނުކުރެވުނެވެ. ޒައުލް ހިނިތުންވެލަމުން ޔޫހާއަށް ބަލާލާފައި ލާއިގާއަށް ބަލާލިއެވެ.
“މާމާ، އަޅުގަނޑު ޔޫހާ ގެއަށްލާފަ އެބަ އަންނަން…” ޒައުލް ސިޑިކައިރީ ހުރި ލާއިގާއަށް ބުނެލިއެވެ.
“ނޫނޭ، ރަނގަޅުވާނެ ޒައުލް ނަޔަސް….” ޖެހިލުންވެފައި ހުރެ ޒައުލް އަށާއި ލާއިގާއަށް ޔޫހާ ބަލާލަމުން ހިނިތުންވެލާފައި ބުނެލިއެވެ. ޒައުލް އެގޮތެއް ގަބޫލެއް ނުކުރިޔެވެ. އެވަގުތު ކިޔާންވެސް ޒައުލް އާއިއެކު ކާރުގައި ދާން އެދެންފެށިއެވެ.
“ތީ މަންމަގެ ބަސްއަހާ ކުއްޖެއްނު، މަންމަ އާއި ދަރިފުޅު އައީ ޑެޑީގެ ކާރުގައެއް ނޫނެއްނު، ގެއަށްދާންވާނީވެސް އެހެންކާރެއްގަ….މަންމަ ބުނީމަ ގަބޫލުކޮއްބަލަ، ތީ މަންމަގެ ބެސްޓު ދަރިފުޅެއްނު، ޑެޑީގެ މާމަ އެހުންނެވީ ކިޔާން ބޮޑާހާކާތަން ބަލަން، އަވަހަށް ބަސްއަހާ….އޭރުން ޑެޑީވެސް އުފާވާނީ” ކިޔާން ކިޔަންފެށި އެއްޗެއް ނުހުއްޓުމުން ޔޫހާ އޭނަގެ ކަންފަތްކައިރީ ސިއްރު ސިއްރުން ބުނެލިއެވެ. އެއާއިއެކު ވަގުތުން ކިޔާން ޔޫހާގެ ބަސްއަހައިފިއެވެ. އަދި މަޑުމަޑުން އެއީ މިހާރު ބަސްއަހާ ކުއްޖެއް ކަމަށް ބުނެލިއެވެ. ޒައުލް އޭނަގެ ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހުއްޓެވެ. ޔޫހާ އާއި ވާދަކިޔަން ބޭނުންނުވާތީ އޭނަ ބޭނުންވިގޮތަށް އެކަނި ގެއަށް ދިއުމަށް ޒައުލް ދޫކޮއްލީއެވެ. ނަމަވެސް އޭނަ ޔޫހާ އާއިއެކު ބޭރު ގޭޓާއި ހަމައަށް ދިއުމަށް ބޭނުންވިއެވެ. އެހެންވެ ޔޫހާގެ ފަހަތުން ސިޓިން ރޫމުން ބޭރަށް ހިނގައިގަތެވެ. ދޮރުން ނުނިކުމެވެނިސް ލާއިގާ ޒައުލްއަށް ގޮވާލިއެވެ. އެހިނދު ސިޓިން ރޫމު ދޮރުން ނުކުތް ޔޫހާއަށްވެސް ބަލާލެވުނެވެ.
“މިދަނީ ގޭޓު ކައިރީ މަޑުކޮއްލާ…” ޒައުލް ޔޫހާއަށް މިހެން ބުނެލަމުން ލާއިގާއަށް ކުރިމަތިލިއެވެ.
އެމީލީ ހިޔާގޭ ގޭޓުން ބޭރަށް ނުކުމެވުމުން ޔޫހާއަށް ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު ދެލޯ މަރާލެވުނެވެ. ބަންދު ހޮހަޅައެއްގެ ތެރެއިން ނުކުމެވުނު ހެން އޭނައަށް ހީވީއެވެ. އެއީ އިންނަންޖެހުނު ތަނުގެ ކުޑަކަމަކުންނެއްނޫނެވެ. އެހެންނަމަވެސް ލާއިގާގެ ފިއްތުންތަކާއި ކުރިމަތިލާންޖެހުނު ބަހުގެ ހަމަލާތަކުންނެވެ. އޭނަގެ ހިތަށް ތަދުވިކަމުގެ އިޙްސާސް ކުރެވުނީ ދެނެވެ. އަވަސް އަވަހަށް ކިޔާންގެ އަތުގައި ހިފާލައިގެން ޔޫހާ ހިނގައިގަތެވެ. ދުރުދުރުގައި އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ސަބަބުން ކިޔާންއަށް ދާންޖެހުނީ ދުވަމުންކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކުން ޔޫހާ ކިޔާން އުރާލައިފިއެވެ. އަދި ހިނގުން ބާރުކޮއްލުމާއިއެކު ގޮސް އެންމެ ފުރަތަމައަށް ލަނބާލެވެން އޮތް މަގަށް ވަދެއްޖެއެވެ. އޭނަ ބޭނުންވީ ޒައުލްއަށް ނުފެނި ގެއާއި ހަމައަށް ދާށެވެ. އެކަން އޭނައަށް ކާމިޔާބުވިއެވެ. ބާރުހިނގުމުގައި ކިޔާން އުރާލައިގެން ހުރެ އައިސް ގެއަށްވަތް ޔޫހާވަނީ ދާހިތްލުމާއިއެކު މާނޭވާލެވިފައެވެ. ގެއަށްވަދެގެން އައިގޮތަށް ކޮޓަރިއަށްވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު ކިޔާން ބެހެއްޓިއެވެ. އެހާގިނައިރު ކިޔާން އުރައިގެން އުޅުމުގެ ސަބަބުން އޭނަގެ އަތުގަވެސް ރިއްސާކަން އިޙްސާސްކުރެވުނީ ކިޔާން ތިރީގައި ބެހެއްޓިފަހުންނެވެ. އޭރު އޭނައަށް ޒައުލް ދެތިން ފަހަރު ގުޅައިފިއެވެ. އެހެންނަމަވެސް އެފޯންކޯލަށް ޖަވާބުދޭން އޭނަ އަދިގަސްދެއް ނުކުރެއެވެ. ލާއިގާ އޭނަގެ ގާތުގައި ދެއްކި ހުރިހާ ވާހަކަތަކެއް ޒައުލްގެ ގާތު ބުނާނެ ގޮތަކާއިމެދު އޭނަ ވިސްނިއެވެ. ޔޫހާ އޭނަގެ މޫނުގައި ދެއަތްތިލަ އަޅާބާރުކޮއްލިއެވެ. ޔޫހާ އުޅޭގޮތުން ކަންބޮޑުވެފައި ހުރި ގޮތަކަށް ކިޔާން ގޮވާލިއެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރަން ފެށިއެވެ.
“މަންމަ ވަރުބަލިވިއްޔޭ، ދަރިފުޅު އުރާލައިގެން މަންމަ ނުހިނގާތާ ވަރަށް ދުވަސްވެއްޖެއެއްނު ދޯ….ދަރިފުޅު ދޭބަލަ އަފޫދައްތަ ގޭގަ އެބައުޅޭތޯ ބަލާލަން، އަފޫދައްތަ ފޫހިވެފަކަންނޭގެ އިންނާނީ ދަރިފުޅު ގޭގަ ނެތީމަ” ޔޫހާ ކިޔާންގެ ހިތްހަމަޖައްސާލަދިނެވެ. އަދި ދޮރުހުޅުވާލަދިނުމާއިއެކު ކިޔާން ދުވެފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ޔޫހާ އައިސް އެނދުގައި އިށީންނަމުން އަދިވެސް ގޮނޑުގައި އަޅުވާލެވިފައި ހުރި އަތްދަބަސްނެގިއެވެ. އޭގެން ޒައުލް އޭނައަށް ދިން ފޯނު ނަގާ ބަލާލިއެވެ.
ކޮންމެވެސް ކަމެއްވެއްޖެކަން ޒައުލްއަށް ހީވާންފެށިއެވެ. އޭނަ ޔޫހާ ގާތު ގޭޓުކައިރީ މަޑުކޮއްލުމަށް ބުނެފަ އައިއިރު ޔޫހާ ގޮސްފިއެވެ. ގުޅާ ގުޅާ ފޯނެއްވެސް ނުނެގިއެވެ. އޭނަވެސް ހުރީ ލާއިގާ ޔޫހާގެ ގާތުގައި ދެއްކި ވާހަކައެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ޔޫހާ އޭނަ އާއި ކުރިމަތިލާން ބޭނުންނުވެގެން އެއުޅެނީ ސަބަބެއް ނެތިއެއްނޫންކަން އޭނައަށް ވިސްނެއެވެ. ލާއިގާއާއި މިވީހާތަނުގަ އެއްވެސްކަމާއި ގުޅިގެން ޒައުލް ސުވާލުކޮއްފައެއްނުވާނެއެވެ. އެހެންވެ އޭނައަށް އޮތް ހަމައެކަނި ގޮތަކީ ޔޫހާ އާއި ވާހަކަދައްކައިގެން ވީގޮތެއް އޮޅުން ފިލުވުމެވެ. ވަގުތު ބޭކާރު ނުކޮށް އޭނަގެ ކާރަށް އަރާދުއްވާލިއެވެ.
އިރުއޮއްސި އަނދިރިވަމުންދިޔަ ވަގުތެވެ. ޒައުލް އައިސް ޔޫހާމެންގެއަށް ވަތްއިރު ޝާއިންވެސް ގޭގައި އުޅެއެވެ. ޒައުލް ފެނުމާއިއެކު ޔޫހާގެ ކޮޓަރިއަށް އިޝާރާތްކޮއްލާފައި ކޮޓަރީގައި އެބައުޅޭކަމަށް ޝާއިން ބުންޏެވެ. މިފަހަރު ޝާއިން ޔޫހާއަށް ގޮވާކަށް ނުހަދައެވެ. އޭގެ ބަދަލުގައި އޭނަ އިޝާރާތްކޮއްލި ގޮތުން ޒައުލްއަށް މަނާކުރުމެއްނުވާކަން އެނގިގެންދިޔައެވެ. އަރައިގެން ހުރި ބޫޓު ބޭރުގައި ބަހައްޓާލަމުން ޒައުލް އަވަސް ހިނގުމުގައި ވަދެގެން އައިސް ޔޫހާގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެތެރެއަށްވަނެވެ. މުޅި ދުވަހަކު ކަހަލަ ގޮތަކަށް ބޭރުގައި އުޅުމުން ކިޔާން ވަރުބަލިވެގެން ނިދަން އުޅޭތީ ޔޫހާ ހުރީ ފާހާނާގައި ކިޔާން ނިދަންބޭއްވުމުގެ ކުރިން ގައިދޮއްވާލުމަށެވެ. ދޮރު ހުޅުވާ ލައްޕާލިއަޑު އިވުމުން މާބޮޑު ސަމާލުކަމެއް ނުދިނީ ޝާއިން ނޫނީ އަފްލީންއަށް ވެދާނެތީއެވެ. ގިނަފަހަރަށް އެގަޑީގައި ވަދެއުޅޭނީ އަފްލީންއަށް ވާތީ ޔޫހާ ހޭންޑް ޝަވަރު އަޅުވާލަމުން އެނދުމަތީ ހަނދާންނެތިގެން ބާއްވާފައި ވަދެވުނު ތުވާލި ދިއްކޮލުމަށް އަފްލީންއަށް ބުނެލިއެވެ. ނަމަވެސް އެނބުރި ތުވާލީގައި ޔޫހާ ހިފުމާއިއެކު މީހާ ހީވީ ގަނޑުވިހެންނެވެ. ކިޔާން ނިދީގެ އަސަރާއިއެކު ކުސްތަޅަންފެށުމުން ޔޫހާ އޭނަގެ ގައިގާ ތުވާލި އޮޅާލައިގެން ފާހާނާއިން ނުކުތެވެ. އަދި ކިޔާން ނިދަން ތައްޔާރުކޮށް އެނދުގައި ބޭއްވުމަށްފަހު ކައިރީގައި އޮށޯވެއްޖެއެވެ. އެހުރިހާ އިރު ޒައުލް އާއި ޔޫހާ އާއި ދެމީހުން އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކުޑަމިނުން އެއްވެސް އިޝާރާތެއްވެސް ކޮއްނުލައެވެ. ކިޔާންއަށް ޒައުލް ފެނުމާއިއެކު އުފަލުން ހުރެ އޭނަ އާއި ވާހަކަދައްކަމުން ދިޔައެވެ. އަދި ޔޫހާ އެނދުގައި ކިޔާން ބޭއްވުމާއިއެކު އޭނަގެ ގާތުގައި އޮށޯތުމަށް ޒައުލްގެ ގާތުން އެދުނެވެ. ޒައުލް ބަހެއްވެސް ނުބުނެ އައިސް ކިޔާންގެ ގާތުގައި އޮށޯތުމާއިއެކު ކިޔާން ދެއަތުން ދެފަރާތުގައިއޮތް ޔޫހާ އާއި ޒައުލްގެ އަތުގައި ހިފާލާފައި ހިތްހަމަޖެހުމާއިއެކު ދެލޯމަރާލިއެވެ. އެކޮޓަރިއަށް ޒައުލްވަތްކަން އެނގުނުފަހުން ފުރަތަމަ ފަހަރަށް ޔޫހާ އެނދުގައި އޮވެ ޒައުލްއަށް ބަލާލިއެވެ. އޭރު ޒައުލް އޮތީ ޔޫހާގެ މޫނަށް ބަލަންށެވެ. މިފަހަރު ޔޫހާ ބޭނުންވިއެއްކަމަކު އެފުންދެލޮލާ ލޯ ވަކިކޮއްލެވޭގޮތެއްނުވިއެވެ. ވަރަށް ލޯބިވެޔޭ ބުނެ އޭނަ އާއި ޔޫހާ ވަކިކޮއްނުލުމަށް އެދި އާދޭސްކުރަން ޔޫހާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް މިހާރު އެހިތަށް އަރާހާއެއްޗެއް އެދުލުން ބޭރެއް ނުކުރާނެއެވެ. އެހެން އުޅުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އޭނަގެ އަމިއްލަ ދިރިއުޅުމަށްޓަކައި ހަނގުރާމަކުރި ދުވަސްތައްވެސް ހިނގައްޖެއެވެ. އަލުން އެފަދަކަމަކާ ކުރިމަތިލާން އޭނަ ބޭނުންނުވަނީއެވެ.
“ބުނެބަލަ، ކީއްވެތަ ތި ސިއްރުކުރަނީ….” ޒައުލް ކުއްލިއަކަށް ވަރަށް މަޑުން އަހާލިއެވެ. އެހިނދު ޒައުލް އާއި ނަޒަރުވަކިކޮއްލަމުން ޔޫހާއަށް ބަލާލެވުނީ ގާތުގައި އޮތް ކިޔާންއަށް އޮތީ ނިދިފަތޯއެވެ. އޭރު ޔޫހާގެ އަތުގައި ހިފާލައިގެން އޮތް ކިޔާންގެ އަތްވަނީ ދޫވެގެން އެއްފަރާތަކަށް ވެއްޓިފައެވެ. މަޑުމަޑުން ޔޫހާ އެނދުން ތެދުވިިއެވެ. ޒައުލްވެސް ޔޫހާ އާއި އެކުއެކީހެން ތެދުވިއެވެ. ކިޔާން ގެއަށްއައިސް ނަގާފައި ހުރި ބައެއް ކުޅޭސާމާނުތައް ޔޫހާ ނަގަންފެށިއެވެ. ދެންވެސް ޒައުލް ސުވާލުކުރިއެވެ. ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެކަމާ ހިތްހަމަނުޖެހުނު ޒައުލް ކުއްލިއަކަށް ޔޫހާގެ އަތުގައި ހިފައި އޭނަ އާއި ދިމާލަށް އަނބުރާލިއެވެ.
“މާމަ ޔޫހާ ގާތު ބުނީ ކީކޭހޭ އަަހަރެން މިއަހަނީ” ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އެހިއެވެ.
“އަހަރެން ދޮގެއް ނަހަދަން، އެކަމަކު ތެދުއަޑުއަހަން އެހާ ފަސޭހައެއްނުވި، އަހަންނަށް އެނގޭ ޒައުލްއަކީ ކޮންފެންވަރެއްގެ ކިހާވަރެއްގެ އާއިލާއަކުން އައިސްފައިވާ މީހެއްކަން……އަހަރެންގެ ދަރިއަކު ހުރިކަން، އަދި އަހަންނަކީ ރާއްޖެތެރޭ އަންހެން ކުއްޖެއްކަން….އެއްވެސް ކަމެއް ހަނދާނެއްނުނެތޭ….އަހަރެންގެ ދަރިފުޅުގެ ބައްޕަ ކޮބާހޭ އަހާއިރު މިދުނިޔެވަނީ ހެކިވެފަ އެކުއްޖާއަކީ ބައްޕަނެތް ކުއްޖެއް ކަމުގަ….ވީއުރު އަހަރެންފަދަ މީހެއްގެ ދުލުން އެކުއްޖާގެ ބައްޕައަކީ ކާކުކަން ބުނުމުން ގަބޫލު ކުރާނީ ކާކު….ފައިސާ ބޭނުންނުވާނެ މީހަކު މިދުނިޔެއަކު ނޫޅޭނެ، އެކަމަކު އަހަރެން އެއަށް ދަހިވެއްޗެއްނުވޭ….ޒައުލްގެ މާމަ އެބުނަނީ ދޮގުވާހަކައެއްނޫން، އަހަރެންކަހަލަ މީހަކާ އިނދެގެން ޒައުލްއަށް ކުރާނެ އެއްވެސް ފައިދާއެއްނޯންނާނެ…..” ޔޫހާގެ ވާހަކަމެދުކެނޑުނީ ޒައުލްގެ ފޯނު ރިންގުވިއަޑަށެވެ. ޔޫހާގެ ދެކޮނޑުން އަތްދޫކޮއްލުމާއިއެކު ފޯނު ނަގާ ޒައުލް ބަލާލިއެވެ. އޭނައަށް ގުޅަނީ ލާއިގާއެވެ.
“ހެލޯ…ދަރިފުޅު ރޭގަނޑު ކާންވާއިރަށް ގެއަށް އަންނައްޗޭ، ވަރަށް ޚާއްޞަ މެހެމާނަކު މިރޭގެ ކެއުމުގައި ބައިވެރިވާނެ، އެހެންވެ” ލާއިގާ ފޯނުން ބުނެލިއެވެ.
“ލައްބަ މާމާ….” ޔޫހާއަށް ބަލަހައްޓައިގެން ހުރެ ޒައުލް ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކާ އޭނަގެ މާމަ ލާއިގައަށް ބުނެލިއެވެ.
“މާމަ އެހެންބުނީތަ” ފޯނު ބާއްވާލުމާއިއެކު ޒައުލްގެ ސަމާލުކަން ޔޫހާއަށް ހުއްޓުނެވެ. އަދި އޭނަ ދެއްކިވާހަކަތަކާއި ގުޅިގެން އަހާލެވުނެވެ.
“ޒައުލް، އަހަރެން ދޮގުހަދަން ބޭނުންނުވާކަން ޒައުލްއަށް ހަމަ ރަނގަޅަށް އެނގޭނެ، އެހެންވީމަ މިއަދު މިވީ ރަނގަޅަށް، އިތުރަށް އަހަރެން އެއްވެސް ކަމެއް ޒައުލްގެ އާއިލާއަށް ސާބިތުކޮއްދޭކަށް ނުޖެހޭނެ، ޒައުލްއަށް އަހަރެން އަހަރެންގެ ގޮތުގައި ކަމުނުދަންޏާ ދެން ކުރެވޭނެ ކަމެއްނެތް، ޒައުލް އާއި އެކަށީގެންވާ މީހަކު ހޯދުން ރަނގަޅުވާނީ…..އަހަރެން ނުބުނަން ޒައުލް ކައިރީ ކިޔާންއަށްޓަކައި އަންނާށޭ، އަދި ކިޔާންއަށްޓަކައި އަހަރުމެން ދެމީހުން ކައިވެނި ކުރާކަށްވެސް…އަހަންނަށް މިހާރުވެސް މިއުޅޭ ގޮތަށް އުޅެވިދާނެ، ހޮޓެލުގެ ރިސެފްޝަން ކައުންޓަރުގައި އިނދެގެން އަހަންނަށް ލިބޭ ފައިސާއިން އަހަންނަށް ފުދޭ، ކިޔާން އެވަރުކޮއްފަ އެހުރީ ގައިމު މީހަކު ދިން ރުފިޔާއަކުންނޫން، އެހެންވިޔަސް އަހަރެން އެދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދަދީގެން މިހިސާބަށް މިއައީ…ޒައުލް، އިތުރަށް އަހަރުމެން ދެމައިންގެ ދިރިއުޅުމާ ކުޅެން ނުހަދާ، އަހަރުމެންގެ ހާލައިގެން ދޫކޮއްލާ” ޔޫހާ ޒައުލްއަށް ފުރަގަސްދެމުން ބުނެލިއެވެ. ލާއިގާ ކީ އެއްޗެހިން އޭނަގެ ހިތަށް އަސަރުކޮއްފައިވެއެވެ. އޭނައަކީ ލާއިގާ ހީކުރާފަދަ ދަށުދަރަޖައިގެ އަންހެނެއްނޫނެވެ. ދެލޮލަށް ޖަމާވިކަރުނަ ހިންދާލުމަށް ޔޫހާ މަސައްކަތްކުރިއެވެ.
“ޔޫހާ…ތިހެން ނުބުނޭ، އަހަންނަށްވެސް މީ ކުރަން އެހާ ފަސޭހަކަންތައްތަކެއްނޫން، އެކަމަކު މާމަ ޔޫހާ އާއި ވާހަކަދެއްކީ ތިބުނާގޮތަށްނަމަ އަހަރެން ވަރަށް ދެރަވެއްޖެ، ހިއެއްނުކުރަން މާމަގެ ފަރާތުން އެފަދަ ޢަމަލެއް ފެންނާނެކަމަކަށް، މާމަ ކީހުރިހާއެއްޗަކަށް އަހަރެން ޔޫހާގެ ގާތުން މާފަށްއެދެން، އޭއި…ތިހެން ފުރަގަސްދީގެން ނުހުރެބަލަ…” ޒައުލް ޔޫހާގެ މުލައްދަނޑީގައި އެއްއަތުން ހިފާލަން އުޅުނެވެ. އެހިނދު ޔޫހާ ޒައުލްގެ އަތްފޮޅުވާލަމުން އޭނަ އާއި ދިމާލަށް އެނބުރުނެވެ.
“އަހަންނާ އަހަރެންގެ ދަރިފުޅު ކިތަށް ފަހަރު ޒައުލް އާއި ޒައުލްގެ މީހުންގެ ކުރިމަތީ ފަޟީޙަތްވާންޖެހޭނެތަ، އެޔެށް ބުނެދީބަލަ….އެދަރިފުޅަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައި، މީހަކާ ކުރިމަތިލުމާއިއެކު އެންމެ ފުރަތަމަވެސް އަހަނީ ދަރިފުޅުގެ ބައްޕަ ކޮބާހޭ….އެދަރިފުޅުގެ ބައްޕަ ކޮބާތަ….ޒައުލް އަހަންނަށް ބުނެދީބަލަ” ޔޫހާ ވާހަކަދެއްކިއިރު އޭނައަށް ރޮވެންފަށައިފިއެވެ. އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހިފަހައްޓާ ނުރޯން މަސައްކަތްކުރާތަންވެސް ޒައުލްއަށް ފެނިގެންދިޔައެވެ. އޭނައަށް އެވަގުތު ވީގޮތް ބަޔާންކުރަންވެސް ނޭގުނެވެ. ޔޫހާގެ ކޮނޑުގައި ހިފާގެނެސް މޭގައި ބޮނޑިކޮއްލެވުނެވެ. ޒައުލްގެ އަތުން ދެފަހަރަކު ވީއްލިގެން ދާން މަސައްކަތްކުރުމަށްފަހު ޔޫހާއަށްވެސް ޒައުލްގެ މޭގައި ބޮނޑިވެލެވުނީއެވެ. އަދި ހިތްބޭނުންވިގޮތަށް އޭނަ ރޮމުންދިޔައެވެ. ކަރުނައަކީ ހިތަށް ހަމަޖެހުން ގެނުވާއެއްޗެއްކަން އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ޒައުލްގެ މޭގައި ބޮނޑިވެގެންހުރެ ރޯލުމަކީ އޭނަ ބޭނުންވިގޮތެއްނޫނެވެ. ޒައުލް ޔޫހާގެ ބޮލުގައި ބޮސްދެމުން ކުރިއަށްވުރެވެސް ބޮޑަށް ގަޔާލާ ޔޫހާ ބާރުކޮއްލިއެވެ. އަދި ނުރޮއެ ހުއްޓާލުމަށް ބުންޏެވެ.
“ޔޫހާ އިތުރަށް އެކަކުގެ ކުރިމަތީވެސް ފަޟީޙަތްވާކަށް ނުޖެހޭނެ، އަހަރެން ހަމައެކަނި މިއުޅެނީ ޔޫހާ ބޭނުންވެގެނެއްނޫން، އަހަރެން މިއުޅެނީ މާޒީގަ އަހަންނަށް ހެދުނު ގޯހެއް ރަނގަޅުކުރެވޭތޯ، ލޯބިވާ މީހުން ދުރުކޮއްލުމީ ހިތަށް ކިހާ ވޭނެއްލިބޭކަމެއްކަން އަހަންނަށް ނޭގެނީއެއްނޫން، ދެން ނުރޮއެ ހުއްޓާލާ…” ޒައުލް ބުނެލިއެވެ. އެހެންހުއްޓާ ދެވަނަ ފަހަރަށް ލާއިގާ ގުޅިއެވެ. ޒައުލް ހުރީ ކޮންތާކުތޯ ބެލުމަށެވެ. ވަކިއެއްޗެއް ބުނަންނޭގިފައި ކުޑައިރުކޮޅަކު ޒައުލް ހުއްޓެވެ. ނަމަވެސް އޭނަގެ ހިތް ބުނިގޮތަށް ކަންތައްކުރިއެވެ. މާމަ ގާތު އޭނަ އެވަގުތު އެހުރީ ޔޫހާމެންގޭގަކަމުގައި ޒައުލް އެންމެފަހުން ބުނެފިއެވެ. އަދި ފަހުން ގުޅާނަންކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ޒައުލް ފުރަތަމަ ފަހަރަށް ލާއިގާދެކެ ހިތްހަމަނުޖެހުނެވެ.
“އަހަންނާއިއެކު ބޭރަށް ގޮސްލާނަންތަ، ޕްލީޒް” ޔޫހާ ޒައުލްގެ މެޔާ ދުރަށް ޖެހިލަމުން ދެލޯ ފޮހެލިއެވެ. އެހިނދު ޒައުލް އަހާލިއެވެ. ޔޫހާ އިސްޖެހިފައި ޖަވާބެއްނުދީ ހުއްޓެވެ. ދެންވެސް ޒައުލް އެދުނެވެ. އެއާއިއެކު ޔޫހާ މަޑުމަޑުން ބޯޖަހާލިއެވެ. ޒައުލް ބޭނުންވީ ތަންކޮޅެއް ގިނައިރު ޔޫހާ އާއިއެކު ވަގުތު ހޭދަކޮއްލުމަށެވެ. ޔޫހާ ފާހާނާއަށްވަދެ މޫނު ދޮވެލިއެވެ. އަދި ލައިގެން ހުރި ޖިންސާއި ޓޮޕްކޮޅު ބަދަލުކޮއްލިއެވެ. އެނދުގައި އިށީނދެލައިގެން އިން ޒައުލް ތެދުވީ ޔޫހާ ފާހާނާއިން ނުކުތުމުންނެވެ. ޔޫހާގެ ލޮލުން އަދިވެސް ރޮއެފަހުރިކަމުގެ ނިޝާންތައް ފެންނަންހުއްޓެވެ. ބޭރަށް ނުކުންނައިރަށް އޭނަގެ މޫނު ޝާއިންއަށް ފެނިއްޖެއްޔާ ވަރަށް ސުވާލުގިނަވާނެއެވެ. ޔޫހާ މިހާރު މަސައްކަތްކުރަނީ އޭނަގެ އޮޅުން ބޮޅުންވެފައިވާ ދިރިއުޅުމުގެ ތެރެއަށް ޝާއިން ނުވައްދާވޭތޯއެވެ. ނަސީބަކުން ޔޫހާ ކޮޓަރިން ނުކުތްއިރު ސިޓިންރޫމުގައި އެކަކުވެސް ނެތެވެ.
ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކުރަން ޒަރާނާ އައީ އިޝާނާމާދުކޮއްލައިގެންނެވެ. އިތުރުކަމެއް ނެތުމާއިއެކު އާފާގުވެސް ޒަރާނާ އާއިއެކު ކާގޭގައި އިންނެވެ. އެއްފަރާތު ފާރުގަައި ހަރުކުރެވިފައިހުރި ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން އާފާގު ދިޔައީ ނޭޝަނަލް ޖޮއޮގްރަފީ ޗެނެލާއި ޖެހެންދެންނެވެ. އެއީ އޭނަ އާމުކޮށް ބަލާ ޗެނަލެވެ.
“އާފާގު، އަހަންނަށް މިއަދު ވަރަށް އަޖައިބު ކުރުވަނިވި ކަމެއްފެނުނު، އެއީ ހަމައަޖައިބެއް…” ޒަރާނާ މަސައްކަތުގައި ހުރެ ބުނެލިއެވެ.
“އަޖައިބެކޭ، އަނެއްކާ ކިހާވަރެއްގެ އަޖައިބަކާ ކުރިމަތިވެގެން ތިއުޅެނީ” އާފާގުގެ ނަޒަރު ޓީވީ އާއި ވަކިކޮއްނުލާ ޒަރާނާ ބުނިއެއްޗަކަށް ޖަވާބުދިނެވެ.
“އަހަރެން އެދިރިއުޅުން މަތިން ހަނދާންނައްތާލިޔަސް، އެކުދިން އެއީ އަހަރެންގެވެސް ދަރިން، އެނގޭތަ، މިއަދު އައްޔަދުގެ ރައްޓިހި ކުއްޖަކު އައެއްނު މިގެއަށް، ކީކޭތަ ކިޔަނީ….ހޫމް…ޔޫހާ، އޭނަގެ ކުއްޖެއް ހުރޭ…”ޒަރާނާ ބުނަން އުޅުނުއެއްޗެއް ނުނިމެނިސް އާފާގު ޒަރާނާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.
“އަހަރުމެންގެ އައްޔަދު ހޯދީ ދަރިއަކު ހުރި އަންހެން ކުއްޖެއްތަ، މާތްކަލާކޯ…” އާފާގު ބުނެލިއެވެ.
“އަަހަރެން ބުނަންއުޅޭއެއްޗެއް އާފާގު އިހަށް އަޑުއަހާބަލަ، އައްޔަދު ޔޫހާ އާއި ގަޔާވިޔަސް އަހަރެންގެ ހިތެއްނުބުނޭ ޔޫހާ އަހަރުމެންގެ އައްޔަދު އާއިހެދި އުޅެފާނެއޭ، އަހަންނަށް ހީވަނީ ޔޫހާ އަދިވެސް އޭނަގެ ދަރިފުޅުގެ ބައްޕަދެކެ ވަރަށް ލޯބިވާހެން، މިހެން ބުންޏަސް ނޭގެ އެއަންހެން ކުއްޖާގެ ދިރިއުޅުމާބެހޭ ވާހަކަތަކެއް، އެނގޭތަ، ބުނަންމިއުޅެނީ އޭނަގެ ދަރިފުޅުގެ ވާހަކައޭ….ހީވަނީ އަހަރެންގެ ޒައުލްހެން، އެސޮރުފެނިފަ އަހަންނަށް ނޭގެ ވީގޮތްވެސް، އަހަރެން އެކުދިންނާ ވަކިވާންޖެހުނުއިރު ޒައުލްގެ އުމުރުންވާނީ އެހާކަންހާވަރު، ހާދަވައްތަރޭ ޒައުލާ…އެކުއްޖާ އާއި ޔޫހާ އާއި ވައްތަރުކަމެއް ނުހުރޭ، ޔޫހާ އެއީ ކުޑަކުޑަކޮށް ހުންނަ އަންހެން ކުއްޖެއް، ބަލާލާފަ ހިއެއްނުވެސްވާނެ ދަރިއަކު ހުންނަހެންވެސް، އުމުރުން ވަރަށް ޅައިރުކަންނޭގެ ބަލިވެއިނީ….އަހަރެން ވަރަށް އޮޅުންފިލުވާލާހިތުން ހުރީ އޭނަގެ ދަރިފުޅާ ބެހޭގޮތުން، އެކަމަކު ނުކެރުނު، އަހަރެން ޔޫހާގެ ދަރިފުޅުގެ ބައްޕަ ކޮބާތޯ ސުވާލުކުރުމުން އޭނަ އެކަމާ އެހާ ގަޔާވާގޮތެއްނުވި…..” އަނެއްކާވެސް ޒަރާނާގެ ވާހަކަ އާފާގު މެދުކަނޑާލިއެވެ.
“ޒަރާ، އެހެންވެދާނެ ދޯ…..ޒަރާވަކި ބޭނުންވާނެތަ އެކުދިންގެ ބައްޕަ އާއި ބެހޭގޮތުން ވާހަކަދައްކަން، ނުވާނެކަން އަހަންނަށް ޔަގީން، އެހެންވީމަ ޔޫހާވެސް ބޭނުންނުވީ އޭގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެންކަމަށް ތިވާނީ” އާފާގު ބުނެލިއެވެ.
“އެނގޭތަ، އަހަންނަށް ވަރަށް ކަމުދާކަހަލަ ގޮތެއް ހުރޭ ޔޫހާގެ ގައިގަ، އައްޔަދުއަށް އޭނަ ވަރަށް ރަނގަޅު، ވަރަށް އާދައިގެ އަންހެންކުއްޖެއް، އޭނަ ފެނުނީމަ ނޭގެ ކީއްވެކަމެއް، ހަނދާންވީ އަހަރުމެން ދެމީހުން ދިމާވި ދުވަސްވަރުމަތިން، އަހަރެންގެ އެކަނިވެރިކަން…..” ޒަރާނާގެ ނަޒަރު ކުއްލިއަކަށް ކާގޭ ދޮރާދިމާލަށް ހުއްޓުނެވެ.
“އައްޔަދު، ދަރިފުޅު، ކާންދޯ ތިއައީ، މިހާރުދެން މިނިމުނީ، އާދޭ އަވަހަށް އިށިންނަން” ޒަރާނާ އޭނަ ދައްކަމުންދިޔަ ވާހަކަ ހުއްޓާލާފައި އައްޔަދުއަށް ބުނެލިއެވެ. އައްޔަދު ވަދެގެން އައިސް މޭޒުދޮށުގައި އިށީނެވެ.
“މަންމާ، އަޅުގަނޑު ކައިވެނި ކުރަން ބޭނުންނަމަ މަންމަ ކީކޭތޯ އެކަމާ ބުނާނީ” އައްޔަދު ހިނިއައިސްފައި އިނދެ ވާހަކައެއްފެއްޓިއެވެ.
“ދަރިފުޅު މީހަކާ އިންނަން ބޭނުންވަނީތަ” ޒަރާނާއަށްވުރެ ކުރިން އާފާގަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
“ތެދެއް، ދަރިފުޅު މީހަކާ އިންނަން ބޭނުންވަނީތަ، އަނެއްކާ ކޮންކުއްޖެއް، ދަރިފުޅު މާލެއައިތާ އަދިނުވޭ އެހާ ގިނަދުވަހެއް، ކިޔެވި ދުވަސްވަރު އެކުގައި އުޅުނުކުއްޖެއްތަ” ޒަރާނާ އައްޔަދުގެ ކުރިމަތީ ބެހެއްޓި ތައްޓަށް ބަތްއަޅާދެމުން ބުންޏެވެ.
“މަންމައަށް ނޭގުނުތޯ ކޮންކުއްޖެއްކަން، ގައިމު އަޅުގަނޑު މަންމަ އާއި ބައްދަލުވެސް ކުރުވައިފިން” އައްޔަދު ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
“އެހެންވެތަ ޔޫހާ މިގެއަށް ގެނައީ، މަންމައަށް ޔޫހާ ދައްކަންވެގެންތަ” ޒަރާނާއަށް އައްޔަދު ބުނަން އުޅުނުއެއްޗެއް ނަގައިގަނެވުނެވެ.
“ހެ ހެ ހެ….ކީކޭތޯ މަންމަ ބުނަނީ” އައްޔަދު ހީނލަމުން ބުނެލިއެވެ.
“އަސްތާ، ޒަރާ ވާރޭ ވެހެންފެށިއަޑު އެއިވުނީ، ހުންނާނެތަ ބޭރުގަ އެއްޗެހި” ކުއްލިއަކަށް ބާރުމިނުގައި އޮހިގަތް ވާރޭގެ ތިކިތަކުގެ އަޑު އާފާގުއަށް އިވުމާއިއެކު ބުނެލިއެވެ.
މަޑުމަޑުން އޮރެންޖު ކުލައުޑުމައްޗަށް ފެތުރެމުންދިޔަ ގޮތުންނާއި މަޑުމަޑުން ބާރުވަމުން އައި ވައިރޯޅިތައް ވާރޭވެހެން އުޅޭކަމުގެ ހަނާއަޅާލި ކަހަލައެވެ. ނަމަވެސް އެކަކުވެސް އެކަމަށް ސަމާލުކަމެއްނުދިނެވެ. އެންމެފަހުން އެނގުމެއްނެތި ކުއްލިއަކަށް ބޯކޮށް ވެހިގަތް ވާރެއާއިއެކު މަގުތަކުގައި އުޅުނު މީހުންތައް ކޮޅުކޮަޅަށް ދުއްވައިގަތެވެ. ހިޔާވެލާނޭ އަސްކަންޏެއް ލިބޭތޯއެވެ. ބައެއްމީހުން މަގުތަކުގައި ހުރި ފިހާރަތަކަށް ވަންނަމުންދިޔައެވެ. ކާރުގެ ކުރީ ސީޓުގައި ޒައުލް އާއި ޖެހިގެން އިން ޔޫހާ މެޔާއި ދިމާލުން ދެއަތްހުރަސްކޮއްލާ ހަޝަމްބަދެގެން އިންނަފަދަ ގޮތަކަށް އިނެވެ. އެއްވެސް ބަހެއްނުބުނެ އެހެން އިންނަން ފެށުމުން ޒައުލް ވާހަކަދެއްކިއެވެ.
“ފިނިވަނީތަ؟” ޒައުލް އަހާލިއެވެ.
“ނޫން، އޯކޭ…” ޔޫހާވެސް ކުރުޖަވާބަކުން ނިންމާލިއެވެ. ވާރޭ މާބޮޑަށް ބޯކޮއްލުމާއިއެކު ޒައުލް ކާރު ޕާކުކޮއްލާނެ ރަނގަޅު ތަނެއް ހޯދާލުމަށްފަހު ކާރު ޕާކުކޮއްލިއެވެ.
“އަހަރެން ވާހަކައެއް އަހާލަންތަ” ޒައުލް ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން ހޫންލައްވާލިއެވެ.
“ޔޫހާ އަދިވެސް ކިޔައެއްނުދެމެއްނު އަހަންނާ ވަކިވުމަށްފަހު ދެންވީ ކިހިނެއްކަން، ޝާއިން އާއި ދިމާވީ ކިހިނެއްކަންވެސް ކިޔާދިނީ ވަރަށް ދުރުދުރުން، އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން” ޒައުލް ޔޫހާ އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުނެލިއެވެ.
“އެކަމުގަ ދެން ކިޔާދެން އޮތީ ކޮންވާހަކައެއް” ޔޫހާ އިސްޖަހާލަމުން ބުނެލިއެވެ.
“ކޮންއިރަކު ކިހިނެއް ޔޫހާއަށް އެނގުނީ ބަލިވެއިންކަން” ޒައުލް ސުވާލުކުރިއެވެ.
“އަހަރެން މަސައްކަތްކުރިން ޒައުލްގެ އެނިންމުން ހަޖަމުކުރަން، އެއީ އަހަރެން ލޯބިވިޔަސް ޒައުލް އަހަރެންދެކެ ލޯބިވާކަށް ނުޖެހޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނާދެމުން، އަހަންނާ ޒައުލް ވަކިވިތާ ދެހަފްތާވަރުވީ، އަހަރެން ވަރަށް ބޮޑަށް ބަލިވާންފެށީ، އަހަރެންގެ އުމުރުން ޅަކަމާ އެއްވެސް ތަޖުރިބާއެއް ނެތުމުގެ ސަބަބުން ވަނީ ކިހިނެއްކަން އަހަންނަކަށް ނޭގެ، އޭރު ކިޔަވަން ހުރިގޭ ދައްތަ ކައިރީ ބުނަން ބޭނުންވި….އެކަމަކު ނުބުނަން، ހިތަށްއެރީ އަހަރެން އަބަދު ރޮއެ ރޮއެފަ ވީކަންތައްތަކާއިމެދު ފިކުރުކުރާތީވެ ބަލިވަނީކަމަށް….ހެނދުނު ތެދުވާއިރު ބައެއްދުވަސްދުވަހު ހުންނަނީ ބޯއަނބުރާފަ، އޮފީހަށް ދާހިތެއްނުވޭ، އެއްވެސް ކަމަކާ ނުލާވެސް ހޮޑުލެވެނީ، އޮފީހަށް ނުކުންނަނީ ކޮންމެހެން ނުކުންނަންޖެހިގެން، އަބަދު ހުންނަނީ މޫޑު ގޯސްވެފަ، ޑޮކްޓަރަށް ދައްކަން ދާންވެގެން ނިންމައިގެން ހުއްޓަ، އޮފީސްކުއްޖަކު ސަމާސާއަކަށް ހަދާފަ އަހަންނާ ދިމާލަށް ބުނީ، އަބަދު ހޮޑުލަނީ އަނެއްކާ ބަނޑުބޮޑީހޭ…ދެން އަހަންނަށް ވިސްނާލެވުނީވެސް، އެފަދަ ގުޅުމެއް އަހުރުމެން ދެމީހުންގެ މެދުގައި ހިނގައިފައިވާކަން، އަހަންނަށްވެސް އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު، ހަމައެންމެ ފަހަރަކުން އަހަރެން ބަލިވެ އިންނަންވީ ކީއްވެކަން…..އެކަމަކު އެކަންވެސް އަހަންނަށް ޖެހުނީ ގަބޫލުކުރަން، ހޯދި ކުޑަވަގުތުކޮޅުގެ އުފާވެރިކަން އަހަރެންގެ ކަރުބުޑުގައި ހިތިރަހަލައްވާލީ ވަރަށްވެސް ފުރިހަމައަށް….އަހަރެން ޑޮކްޓަރަށް ދިޔައިރު އަހަރެން އިނީ ބަލިވެކަން އަހަންނަށް ޔަގީންވާ ވަރަށް މަޢުލޫމާތު ލިބުނު، އެހެންވެ ޑޮކްޓަރު އަހަރެން އިނީ ބަލިވެކަމުގައި ބުނުމުންވެސް އަހަންނަށް ޝޮކެއްނުލިބުނު….އަހަންނަށް އެނގޭ އަހަރެންގެ ލޭގެ ޓެސްޓުގައި މައްސަލައެއް އުޅެނީކީނޫންކަން، ނޫނީ އަހަރެންގެ ރިޕޯޓް މާބަނޑު މީހެއްގެ ރީޕޯޓާ ބަދަލުވެ އޮޅުނީކީ ނޫންކަން….އަހަރެން ގެއަށް އައިސް ވިސްނިން މިކަމަށް ހައްލެއް އޮތްގޮތެއް ފެނޭތޯ، އަހަރެން ޒައުލް ހޯދަން ބޭނުންވި، އެއީ އަހަރެން އެކަނި ކުރިކަމެއްނޫންވީމަ، އެކަމަކު ޒައުލް ހޯދަން އަހަރެން ދާނީ ކޮންތާކަށް…….” ވެހެމުންދިޔަ ވާރެއާއިއެކު ފުސްވަމުންދިޔަ ދޮރުފަތުގެ ބިއްލޫރިގަނޑަށް ބަލަހައްޓައިގެން އިން ޔޫހާ ވާހަކަމެދުކަނޑާލިއެވެ. އެއީ އޭނައަށް ދައްކަން އެހާ ފަސޭހަވާހަކަތަކަކަށް ނުވާތީއެވެ. އެވާހަކަތައް ކިޔާދިންކަމަކު އެހާލުގައި އުޅުނީ އޭނައެވެ. ވީއިރު އެކަން އަޑުއަހާމީހާއަށް އޭނަ އުޅުނު ހާލު އިޙްސާސްނުވާނެކަން އޭނައަށް އެނގެއެވެ.
“ޔޫހާ…” އެއްޗެއް ނުބުނެ ހިމޭންވެފައި ޔޫހާ އިންނަން ފެށުމުން ޒައުލް ޔޫހާގެ ކޮނޑުގައި އަތްޖައްސާލާފައި ގޮވާލިއެވެ. އެއާއިއެކު ޔޫހާ އޭނަގެ އުނގުގައި ޖޯޑުކޮއްލައިގެން އިން ދެއަތަށް ބަލާލަމުން އިސްޖަހާލައިގެން އިނދެ ވާހަކަދައްކަންފެށިއެވެ.
“އެކަކު ކައިރީވެސް އަހަރެން ބަލިވެއިންވާހަކަ ނުބުނަން، ބުނަންވެސް ނުކެރުނީ، އަހަންނަކީ އެކަނި ހުރި އަންހެންކުއްޖަކަށްވެފަ ބަލިވެއިންކަން މީހުންނަށް އެނގިއްޖެއްޔާ ދެންވާނެގޮތްވެސް އެނގޭތީވެ، ކޮންމެ ދުވަހަކު އެތަށް އިރަކު ވިސްނަން އިންނަން، އެގޮތް މިގޮތުން އަހަންނަށް އެކަން ސިއްރުކޮއްގެން އުޅެވުނީ އަހަރެންގެ ބަނޑަށް ތިންމަސްވަންދެން، އަހަރެން ކައިބޮއެ އުޅޭލެއް މަދުވެފަ ގިނައިރު ކޮޓަރީގައި އުޅެން ފެށުމުން ގޭގެ ދައްތަ ސުވާލުކުރަންފެށި، ދައްތައަށް އެނގުނީ ކިހިނެއްކަމެއް އަހަންނަކަށް ނޭގެ، އަހަރެން އޮފީހުން ކެނޑެން ސިޓީލާފަ އައި ދުވަހު ދައްތަ ހުރީ އަހަރެން ޑޮކްޓަރަށް ދައްކާފަ ހެދި ރިޕޯޓްތައް ހިފައިގެން….އަހަންނަށް އެސުވާލުތަކަށް ޖަވާބުދޭނެގޮތެއް ނޭގުނު، ދައްތަ ވަގުތުން މަންމައަށް ގުޅާފަ ބުނީ އަހަރެން އެގޭގަ ނުބެހެއްޓޭނެކަމަށް، ދެން އަހަރެން ފުރައިގެން ދިޔައީ ރަށަށް، އެޚަބަރުން މަންމަ ވަރަށް ދެރަވިކަން އަހަންނަށް އެނގޭ، އަހަރެންދެކެ އެކަމާ ރުޅިއައިސްގެން މުޅިން ވާހަކަދެއްކުން ހުއްޓާލި، އެއްޗެއް ބުންޏަސް މަންމައަށް ރީތިކޮށް އަހަންނާ ވާހަކަދެއްކުމަކީ ފަސޭހަކަމަކަށްނުވޭ، އެކަމަކު އަހަންނަށް އެހީވެސްވި، މުޅި ރަށުތެރެއަށް އަހަރެން އިން ހާލުގެ ވާހަކަ ފެތުރުނު، ގޭދޮށުމީހުންނާ ހެދި ދޮރުމައްޗަށްވެސް ނުކުންނަން ކެރެވޭވަރެއްނޫން، އެކަންތައްތައްތަކަށް އަހަންނަށް ކެތްކުރުން އުނދަގޫކަމަކަށްނުވި، އެކަމަކު ވިހާ ގަދަވުމާއިއެކު އޮފީހުން އަހަރެން ބަލާ ގެއަށް އައި، ދުވަހަކުވެސް އެދުވަހު ގަތްވަރުގެ ލަދެއް އަހަރެން ނުގަނޭ، ރަށުގެ އެތަށް ރައްޔިތުންނެއް އެތަނަށް އެއްވެފައިތިބި، އަހަރެންގެ ހަށިގަނޑަށް ލިބުނުވޭނަށްވުރެން އެތަނުގައި ތިބި މީހުންގެ ލޯތަކާއި ދުލުން ބުނަމުންދިޔަ ބަސްތަކުން އަހަންނަށް ލިބުނުވޭން އިތުރުވެގެންދިޔަ، ދުވަހަކުވެސް އަހަރެން އެކަން ހަނދާނެއްނުނެތޭނެ….މަންމަ އެދުވަހު ރުއިވަރަށް ރޮނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެން، ބައްޕަ ދުނިޔޭގަ ނެތްކަން އެއީ ނަސީބެކޭ އެދުވަހު ހިތަށްއެރި….” ޔޫހާ މޫނުގައި ދެއަތްއަޅާ ފޮރުވާލަމުން ރޮމުންދިޔައެވެ. އިތުރަށް ލޮލުގައި ޖަމާވިކަރުނަ އާއި ހިތަށްކުރަމުންދިޔަ އަސަރުތައް ނުފޮރުވުނީއެވެ. އޭނަ ކެތްކުރިވަރު އެނގޭނީ ހެއްދެވިފަރާތަށާއި ހުދު އޭނައަށެވެ. މީހުންގެ ދޫތަކުން އިވެމުންދިޔަ ވިހަބަސްތަކުން ރުއިރުއިމެވެ. ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ބިރުގެންފައިހުރިވަރެވެ. އެކުއްޖާ ބަލާނެގޮތަކާއިމެދު އޭނަ ހާސްވެ ކަންބޮޑުވިވަރެވެ. ފިކުރުބޮޑުވެގެންގޮސް ނިދިގެއްލިފައި ހޭލާ އުޅުނު ރޭތަކެވެ.
“އަހަންނަށް މާފުކުރޭ، ޔޫހާ ތިހާ ދެރަވެގެން ރޮންޏާ އަހަރެން ބޭނުމެއްނޫން ތިވާހަކަތައް އަޑުއަހާކަށް” ޒައުލް ޔޫހާގެ މޫނުގައި އަޅާފައިވާ އަތްނައްޓާލުމަށް މަސައްކަތްކުރަމުން ބުނެލިއެވެ. ނަމަވެސް އެކަންވާގޮތެއް ނުވިއެވެ. އެގޮތަށް އިނދެ އެތަށްއިރެއްވަންދެން ޔޫހާ ރުއެވެ. އަދި މަޑުމަޑުން ދެލޯ ފޮހެލާފައި ދެއަތްމޫނުން ނެގިއިރު އޭނަގެ ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ނޭފަތް އެތެރެއަށް ދަމާލަމުން އަނެއްކާވެސް ޔޫހާ މޫނުފޮހެލިއެވެ. އެވަގުތު ޒައުލް ކުރިމަތީހުރި ޓިޝޫފޮށި ނަގާ ޔޫހާއަށް ދިއްކޮއްލިއެވެ.
“އާރ ޔޫ އޯކޭ…” ޒައުލް އަހާލިއެވެ. އެއާއިއެކު ޔޫހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ.
“އަހަންނަށް ރަށުގަައެއްނޫޅެވޭނެ….” ރުއިމުގެ ސަބަބުން ޔޫހާގެ އަޑުވަނީ ކުރަކިވެފައެވެ. އެހެންނަމަވެސް އޭނަ ވާހަކަދައްކަން މަސައްކަތްކުރިއެވެ.
“އެކަމަކު އޭރު ރަށުގަ ނޫޅެ އުޅޭނެވަކި އެހެންތަނެއް ނެތް، އަހަރެން ހުރިހާ ކަމަކަށްކެތްކުރަން ހުރީ ތައްޔާރަށް، އެކަމަކު ކިޔާންއަށް ހިނގެންފެށުމުން ގޭގެ ހަތަރުފާރުގެ ތެރޭ އެކުއްޖާ ހިފަހައްޓައިގެން އުޅުންވީ އަހަންނަށް އުނދަގޫކަމަކަށް، އޭނަ ބޭރަށް ދާންބޭނުންވޭ، އެކަމަކު އަހަރުމެން ދެމައިން ފެނުމާއިއެކު ހިސާބުގަނޑު މީހުން ފާޑުފާޑުގެ ނަންނަމުން އަހަންނާ އަހަރެންގެ ދަރިފުޅަށް ނިސްބަތްކޮށް އެއްޗެހިކިޔަމުންދޭ، އެމީހުން ބޭނުންކުރާ ބައެއްބަސްތައް ވާހަކަދެއްކެމުން އައި ކިޔާން ނަކަލުކޮށް އަހަންނާ ސުވާލުކުރަންފެށި، އަހަރެން އެމީހުންގެ ދޫތައްބަންދުކުރާނީ ކިހިނެއް، އަހަރުގެ ބޮޑުޗުއްޓީގަ ރަށަށް އައި ޝާއިންއަށް އެކަންތައް ފެންނަންފެށީ، އޭނަ ހުންނަނީ އަހަރެންގެ ގެއާއި ޖެހިގެން ކަންމައްޗަށް ހުންނަ އަހަރެންގެ ބޮޑުދައިތައެއްގެ ގޭގަ، އާމުކޮށް މީހުންމަދު ވަގުތުތަކުގައި އޭނަ އެގޭބޭރުގައި ހުންނަ ޖޯލިފައްޗަށް ނުކުމެއޮންނަންތަން އަހަންނަށް ފެނޭ، ބޮޑުދައްތަގެ ރަޙުމަތްތެރިކަމުގަ އަހަރުމެންގެއަށް އޭނަ އައިސް އަހަންނާ ވާހަކަދައްކަންފެށީ، އޭރު އަހަރެން ހުރީ ވަރަށް އެކަނިވެ، ކޮންމެ އިންސާނަކަށްވެސް ކުށެއްކުރެވިދާނެ…އޭރު އަހަރެން އެކުށަށް ތައުބާވެސް ވެއްޖެން، އެކަމަކު މީހުންގެ ވިސްނުމެއް ބަދަލެއްނުކުރެވުނު، ޖެހުނު ލައްގަޑު ފިލާނެ ގޮތެއްނެތް، އެހުރިހާ ކަމެއް އެނގިހުރެވެސް ޝާއިން އަހަންނާ ވާހަކަދެއްކީ، އަހަރެންގެ ދަރިފުޅާ ދިމާލަށް އަހަރެންގެ އާއިލާ ފިޔަވާ އެއްޗެއް ނުބުނާ މީހަކީ އެއީ، އޭނަގެ އާއިލާގެ ވާހަކަތަކާ އޭނަގެ ދިރިއުޅުން ހުންނަގޮތުގެ ވާހަކަތައް އަހަންނަށް ކިޔާދިން، ކޮންމެ ފަހަރަކު ރަށަށް އޭނަ އަންނަނީ ބޮޑު ޗުއްޓީގަ، އެގޮތަށް ދެއަހަރު އައުމަށްފަހު ދެން އޭނަ އެދުނީ އަހަރެން ކިޔާން ގޮވައިގެން މާލެ ބަދަލުވުމަށް، އޭނަގެ ގޭގަ އަހަރެން ބޭނުން ދުވަހެއްވަންދެން ހުރެވޭނެކަމަށް، އަހަންނަށް ވަޒީފާއެއް ލިބެންދެން އަހަންނާ ކިޔާންގެ ހަރަދު އޭނަ ބަލަހައްޓާދޭނެކަމަށް، މާލެމަތިން ކިތަންމެ ފޫހިވިޔަސް އޭރު ރަށުގައި އަހަންނަށް އުޅުމަށް ދަތިވެފައިވުމުގެ ސަބަބުން ޝާއިންގެ އެވިސްނުން އަހަރެންވެސް ގަބޫލުކުރީ، ހިތަށް އެރީ މާލެ ބަދަލުވީމަ ކިޔާންއަށް އެއިވޭ އަޑުތަކެއްނީވެނެޔޭ، އަދި އަހަންނަށް އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނެޔޭ، އެކަމަކު އެނގޭ، ކޮންމެވެސް ދުވަހަކުން ކިޔާން އަހަންނާ ސުވާލުކުރާނެކަން، އޭނަގެ ބައްޕައަކީ ކާކުތޯ އޮޅުންފިލުވަން ބޭނުންވާނެކަން….އެދުވަސް އަންނަންދެން އަހަރެން އެކަން ސިއްރުކުރަން ހުރީ، އެކަމަކު އެއަށްވުރެ ކުރިން ކިޔާންއަށް އޭނަގެ ބައްޕަ ފެނިއްޖެ، ޒައުލް އަހަންނަށް މަޖުބޫރުކުރީ ކީއްވެތަ، އަޅާނުލާ އަހަރެންގެ އަމިއްލަ ހާލައިގެން ދޫކޮއްލިނަމަ….އަހަރެންގެ މިދެކަންފަތުން އަލުން މީހުން އެފަދަ ބަސްބުނާއަޑު އަހާކަށް ބޭނުމެއްނޫން، ދެން އެބަސްތައް ރައްދުވާނީ ހަމައެކަނި އަހަންނާ ކިޔާންއަކަށް ނޫން، ޒައުލްގެ ނަން އަހަންނާ ހެދި ހަޑިވާކަށް ބޭނުމެއްނޫން…..ޒައުލްގެ މާމަ އެބުނަނީ ރަނގަޅުގޮތް، އަހަންނަށް ޒައުލްއަށް ދެވޭނެ އެއްވެސް އެއްޗެއްނެތް، އޭގެ ބަދަލުގަ ތިއާއިލާގެ އިއްޒަތާ ގަދަރާ ރީތިނަން ވެއްޔާމޮޑެލާކަށް ނުކެރޭނެ….” ރޮވިފައި އިނދެ ޔޫހާ ޒައުލްއަށް ބަލާލިއެވެ.
ޒައުލް ޔޫހާގެ އަތްތިލާގައި ހިފާ އުފުލާލަމުން ބޮސްދިނެވެ. އަދި އެއްއަތުން ޔޫހާގެ ތެމެމުންދިޔަ ކޯތާފަތް ފޮހެލިއެވެ. އަދި ހިނިތުންވެލިއެވެ.
“އަހަންނަށް ޔޫހާ ފެނުނީ އެތަށް އަހަރެއް ފަހުންކަމަށްވިޔަސް، އަހަރެން ޔޫހާގެ މަތިން ހަނދާނެއްނުނެތޭ، އެރޭ ހޮޓެލުން ފެނުނު ވަގުތު ޔޫހާ ޝާއިން އާއިއެކު ނުކުމެގެން ދިޔަތަން ފެނުމުން އަހަންނަށްވީގޮތެއްނޭގެ، ފާޑެއްގެ ރުޅިއެއް އައީ….އަހަންނަށް ޔޫހާ އާއިމެދު ވިސްނޭއިރު ޔޫހާ އަހަރެންގެ މަތިން ހަނދާންނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިޔައީއޭ ހިތަށްއެރީ، އެކަމަކު އަހަންނަށް މިކުރެވޭ އިޙްސާސްތަކަކީ ލޯބިކަން އަހަރެންގެ ސިކުނޑިވެސް ގަބޫލުކުރޭ….އެހެންމީހެއްގެ ހަގަކަށް ޔޫހާވާން އަހަރެންގެ ހިތެއްނޭދޭ، އޭގެ ކުރިން އަހަރެންގެ މީހަކަށް ޔޫހާ ހަދަން އަހަރެން ބޭނުންވީ، މާމައަށް އަހަރެން ވިސްނާދޭނަން، ކިޔާންގެ ބައްޕައަކީ ކާކުކަން އަހަރެން އެމީހުންނަށް ބުނެދޭނަން، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެންގެ މިނިންމުމެއް ބަދަލެއްނުވާނެ، ޔޫހާ އާއި އަހަރުމެންގެ ދަރިފުޅަށްވުރެ މުހިއްމު އެހެންކަމެއް އަހަންނަކަށް ނޯންނާނެ، މާމަ ޖެހޭނީ އެކަން ގަބޫލުކުރަން…” ޒައުލް ޔޫހާގެ ކުޑަކުޑަ މޫނު އޭނަގެ ބޮޑުދެއަތުގެތެރޭ ހިފަހައްޓާލައިގެން އިނދެބުނެލިއެވެ.
“އެކަމަކު….” ޔޫހާ އެއްޗެއް ބުނަން އުޅުމުން ޒައުލް އެކަން ހުއްޓުވިއެވެ.
“އެކަމަކުއެއްނޫން، އަހަރެން ބޭނުންވާގޮތަށް….އަހަރެން ބޭނުންމީހަކު އަހަރެންގެ ދިރިއުޅުމަށް ގެނެވޭނީ، އަހަރެން މިބުނީނު ޔޫހާ ނޫން މީހަކު ބޭނުމެއްނޫނޭ، މާމަ ގަބޫލަސް ނުގަބޫލަސް އަހަންނާ ޔޫހާގެ ކައިވެނި ކުރެވޭނެ، ދެން އެކަމާ ޔޫހާ ނުވިސްނާ” ޒައުލްގެ އަޒުމްވަރުގަދައެވެ. އޭނަ ބޭނުންކަމެއް އޭނަ ބޭނުންގޮތަކަށް ކޮއްފަ ނޫނީ ނުހުއްޓާނެކަން ޔޫހާއަށް އެނގުނެވެ. ޒައުލް ޔޫހާ އާއި ގާތްވެލަމުން ޔޫހާގެ ނިތުގައި ބޮސްދިނެވެ. އަދި އިތުރަށް ރޮއެގެން ނުވާނެކަމަށް ބުންޏެވެ.
“ރުއިމަށްވުރެ، ޔޫހާ ރުޅިއައިސްފަ ހުންނައިރު މާލޯބި، އެކަން އެނގޭތަ…” ޒައުލް ޔޫހާގެ މޫނުން ދޫކޮއްލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ. ޔޫހާގެ ތުންފަތަށް ކުޑަނަމަވެސް ހިނިތުންވުމެއްވެރިވިއެވެ. އެއާއިއެކު އަވަސް އަވަހަށް އިސްޖަހާލިއެވެ.
“އެކަމަކު އަހަރެން ލައިކެއްނުވޭ ޒައުލް ރުޅިއައީމަ” ޔޫހާ އޭނަގެ ހިތުގައި އެވަގުތު އޮތްގޮތަށް ބުނެލިއެވެ. އެހިނދު ޒައުލްގެ މަޑުހުނުމުގެ އަޑު ކާރުތެރެއަށް ފެތުރިގެންދިޔައެވެ. އަދި އޭނަ ޔޫހާގެ ބުޅިއިސްތަށިގަނޑުން އޮޅިފައިވާ އިސްތަށިކޮޅަކާ ކުޅެލިއެވެ. ޒައުލްގެ ކުދިކުދި ސަމާސާތަކަށް ޔޫހާގެ ހިތްހެއްލި ހީނުކުރާކަހަލަ ހާދިސާއެއް ހިނގާފާނެތީ އޭނާ އަމިއްލައަށް އެކަންތައްތަކުން މަނާވެގަތެވެ.
“ޕްލީޒް ޒައުލް، ހުއްޓާލަބަލަ….މިހާރު ކިހާއިރެއްވެއްޖެ، ގެއަށް ދާކަށް ނުވޭތަ، ޒައުލްގެ މާމަ ބުންޏެއްނު މިރޭ އަވަހަށް އަންނައްޗޭ، ދެން ހިނގާދާން، ވާރޭ ހުއްޓައެއްނުލާނެ…” ޔޫހާ ޒައުލްގެ އަތުގައި ހިފާ އޭނަގެ މޫނާ ދުރުކޮއްލަމުން ބުނެލިއެވެ.
“އަހަރެން އަދި ދާކަށް ބޭނުމެއްނޫން” ޒައުލް ގޮތްދޫނުކުރާގޮތަކަށް ބުނެލިއެވެ. އޭނަ އެހާ އަވަހަށް ޔޫހާ ގެއަށް ގެންދާކަށް ގަސްދެއްނުކުރެއެވެ. މުޅިރޭ ޒައުލް ޔޫހާ އާއިއެކު އެކާރުގެ ތެރޭ ހޭދަކުރަން ޖެހުނުކަމުގައިވިޔަސް އޭނަ އިނީ ތައްޔާރަށެވެ. އެކަން ހާމަނުކުރިޔަސް އޭނަ ބޭނުންވަނީ އެގޮތެވެ.
“އަހަރެން ކާރުން ފައިބައިގެން ހިނގައިދާނަން” ޔޫހާ ބުނެލިއެވެ. އޭނަގެ މޫނުމަތިން ރޮއެފަހުރިކަމުގެ އަލާމަތްފެންނަން ހުއްޓަސް މިހާރު ޔޫހާއިނީ ހަމަޖެހިފައިކަން ޒައުލްއަށް އެނގުނެވެ. އޭނަ ޔޫހާ ބުނި އެއްޗަކަށް ލުއިގޮތަކަށް ހީނލީ ޔޫހާއަށް ނުކެރޭނެއޭ ބުނާފަދަ ގޮތަކަށެވެ. އެކަމުގެ ސަބަބުން ޔޫހާއަށްވެސް ހީވީ އިތުރު ހިތްވަރެއް ލިބުނުހެންނެވެ. ޔޫހާ އޭނަގެ ބަސްގަދަކޮއްލަން ބޭނުންވިއެވެ.
“މި ދަނީ ދާން…” މިހެން ބުނެ ކާރުގެ ދޮރު ހުޅުވާލަން ޔޫހާ އުޅުނުވަގުތު ކުއްލިއަކަށް ޒައުލް ޔޫހާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމައިގަތެވެ.
“މިހާރު ދެވޭނެތަ” ޒައުލް ޔޫހާގެ އުނގަނޑުގައި ދެއަތުން ވަށާލުމާއިއެކު ދެން ފެނުނީ ގެނެސް އޭނަގެ އުނގުގައި ޔޫހާ ބޭންދިތަނެވެ. ޔޫހާއަށް ތަންކޮޅެއް ބާރަށް ޒައުލްއަށް ގޮވާލެވުމާއިއެކު ގަބޫލުނުކުރެވިފަ އިންގޮތަކަށް ޒައުލްއަށް ބަލާލިއެވެ. ޔޫހާ ބުނި ބަހުގެ މައްޗަށް އޭނައަށް ގަދަވެވުނުކަން ޔަގީންވުމާއިއެކު ޒައުލް ހޭންފެށިއެވެ. އެހާ ގާތުން ޔޫހާއަށް ޒައުލް ފެނުމުން އެމޫނަށް ބަލަހައްޓައިގެން ކުޑަކޮށް ހެވިފައި އިނދެވުނީއެވެ. ޒައުލްގެ އަތުގެތެރޭން ދޫވެގެން ދާން އޭނަވެސް ބޭނުންނުވާ ކަހަލައެވެ. ޒައުލްގެ އެފިރިހެންވަންތަ ހުނުން އޭނަގެ ހިތުގެ ހިނގުންއަވަސް ކުރުވުމާއިއެކު އެރީތި ދެތުންފަތަށް ޔޫހާގެ ނަޒަރު ހުއްޓިގެންދިޔައެވެ. ޒައުލް ދެބުމަ އަރުވާލަމުން ޔޫހާއަށް ކާރުން ފޭބޭނީ އޭނަ ދޫކޮއްލި އިރަކުންކަމުގައި ހިނިއައިސްފައި އިނދެ ބުނެލިއެވެ. ޔޫހާ ބަސްހުއްޓިފައި އިންގޮތަށް އިނީއެވެ. ޒައުލްގެ ފަރާތުން އެފަދަ ސަމާސާއެއް ނުފެންނަތާ އެތަށްއަހަރަކަށްފަހު ފެނުމުން ޔޫހާއަށް ހުއްޓުންއެރީއެވެ. އެވަގުތުކޮޅު ދިގުދެމިގެން ދިއުމަށް ހުދު އޭނައަށްވެސް އެދެވުނު ކަހަލައެވެ. ލުއި ހިނިތުންވުމަކާއިއެކު ޒައުލްއަށް ކަޅިހުއްޓާލައިގެން އިން ޔޫހާގެ ހިމޭންކަން ޒައުލްއަށް ފާހަގަކުރެވުނީދެނެވެ. އޭނައަށްވެސް ފުންނަނަޒަރަކުން ޔޫހާގެ ދެލޮލަށް ބަލާލެވުނީ އެސިކުނޑީގައި އެވަގުތު ހިނގަމުންދަނީ ކޮންކޮން ހިޔާލުތަކެއްތޯ ހޯދަންބޭނުންވާފަދަ ގޮތަކަށެވެ. ވެހެމުންދިޔަ ބޯވާރޭގެ ތިކިތަށް އައިސް ކާރުގައި ޖެހޭއަޑު ނޫނީ ނީވެއެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ލޮލުގެ ތެރެއިން ކަމެއް ހޯދާކަހަލައެވެ. ލަފްޒުތަކަކާއި ނުލާ ދެމީހުންގެ މެދުގައި ވާހަކައެއް ދެކެވޭކަހަލައެވެ. ޔޫހާ ލަދުން އިސްޖަހާލިވަގުތު މަޑުން މަޑުން ޒައުލް ގޮވާލިއެވެ. އަދި ކުރިއަށްވުރެވެސް ޔޫހާ ކައިރިކޮއްލިއެވެ. އެހިނދު ޒައުލްގެ ހޫނުނޭވާ ޔޫހާގެ ކޯތާފަތަށް އެޅިގެންދިޔައެވެ. މަޑުމަޑުން ޔޫހާގެ އުނަގަނޑުގައި ވަށާލެވިފައިވި ޒައުލްގެ ދެއަތްދުރުވަމުންގޮސް ޔޫހާގެ ދެއަތުގެ މުލައްދަނޑީގައި ޒައުލްއަށް ބާރަށް ހިފާލެވިއްޖެއެވެ. މިފަހަރު ޒައުލް ޔޫހާގެ އަތުގައި ހިފާލިގޮތުން އެއްވެސް ތަދެއް ޔޫހާއަށް އިޙްސާސްއެއްނުވިއެވެ. އޭގެ ބަދަލުގައި އޭނަގެ ހިތުގެ ހިނގުން ކުރިއަށްވުރެވެސް އަވަސްވެގެން ދިޔައެވެ. އިޙްތިޔާރަކާއި ނުލާ ކުއްލިއަކަށް ދެމީހުންނަށްވެސް ކާރުގެ ދޮރުގެ ބިއްލޫރިގަނޑާ ދިމާލަށް ބަލާލެވުނީ މީހެއްގެ ހިލަމެއްވެގެންނެވެ. ވަގުތުން ޔޫހާއަށް ދުރަށްޖެހިލެވުނެވެ. އަދި ކުރިންވެސް އިން ސީޓުގައި އިށީނުމަށް އުޅުނެވެ. ޒައުލް ޔޫހާގެ އަތުގައި އެވަގުތު ހިފާލިއެވެ. އެދެލޮލުން ދުރަށް ނުދާށޭބުނާ ކަހަލައެވެ. ނަމަވެސް ޔޫހާ އޭނަގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރިއެވެ.
ލާއިގާއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ރިހިކުލައިގެ ހިމަގަޑިއަށް ބަލާލެވެއެވެ. ޒައުލްގެ އެއްވެސް ޚަބަރެއްނުވެގެން އޭނައިނީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް އެކަން ކާމޭޒުދޮށުގައި ތިބިއެކަކަށްވެސް އޭނަ ނުދައްކައެވެ. މަންސޫރުގެ ހާލަކީވެސް އެއީއެވެ. އޭނަވެސް ދޭތެރެއަކުން ލާއިގާއަށް ބަލާލެވެނީ ޒައުލްއަށްވީގޮތެއް ނޭގިގެންނެވެ. ޒައުލްގެ ފޯނަށް ގުޅޭތޯ ވަރަށް މަސައްކަތްކުރެވިއްޖެއެވެ. އެހެންނަމަވެސް ގުޅާ ކޮންމެ ފަހަރަކު އިވެނީ ފޯނުނިއްވާލާފައިވާކަމަށް ބުނާ މެސެޖެކެވެ. އޭނައަށް ޒައުލްގެ އެޢަމަލުގެ ސަބަބުން ލާއިގާ ހިތްހަމަނުޖެހޭނެވަރު އެނގެއެވެ. އަނެއްކޮޅުން މީގެ ކުރިން ދުވަހަކުވެސް ޒައުލް ފޯނު ނިއްވާލައިގެން ނޫޅެއެވެ. އެންމެ ފަހުން ޒައުލްއަށް ގުޅުނުއިރު އޭނަ ހުރީ ޔޫހާމެންގޭގަކަން އެނގެނީވެސް ހަމައެކަނި ލާއިގާއަށެވެ. އެހެންވެ ލާއިގާ ހީކޮށްގެން އިނީ އަދިވެސް ޒައުލްވީ ޔޫހާމެންގޭގަކަމަށެވެ. ހިތުގައި ޔޫހާ އާއިމެދު އޮތް ރުޅިވެރިކަން އުތުރިގޮތްކަހަލައެވެ.
“މާމާ، ޒައުލް އަދިވެސް ހޮޓެލުގަތަވީ، މާމަ ބުނުއްވީމެއްނޫންތޯ ޒައުލްވެސް އަޅުގަނޑުމެންނާއިއެކު މިރޭގެ ކެއުމުގައި ބައިވެރިވާނެއޭ…” ލާއިގާގެ ކުރިމަތީ މޭޒުގެ އަނެއްފަރާތުގައި އިން ޝައިސްތާ ބުނެލިއެވެ.
“އެހެން މާމަވެސް ހީކޮއްގެން މިއިންނަނީ….އެކަމަކު ނާދެވޭވަރުގެ ކަމެއްއޮވެގެންނުވާނެ، ފޯނުވެސް މިހާރު އޮތީ ނިއްވާލާފަ” ލާއިގާގެ ހިތްހަމަނުޖެހުން މޫނުމަތިން ސިއްރުކުރެވިފައިވީނަމަވެސް އޭނަގެ އަޑުންއެކަން ސިއްރެއްނުކުރެވުނެވެ. ޝައިސްތާއަށް ވެގެންއުޅޭ ގޮތެއް ނޭގުނުކަމުގައިވިޔަސް ލާއިގާގެ އަޑުގައި ހަރުލާފައިވާ ހިތްހަމަނުޖެހުމާ ރުޅިވެރިކަން އޭނައަށް ފާހަގަކުރެވިއްޖެއެވެ.
“މާމާ، ޒައުލްއަށް އެނގޭތަ އަޅުގަނޑު އަންނަކަން މިރޭ” ޝައިސްތާއަށް ލާއިގާ އިނީ ހިތްހަމަނުޖެހިފައިކަން އެނގުނުނަމަވެސް އިތުރު ސުވާލެއް ކުރިއެވެ.
“ނޫނޭ، މާމަ ހިތަށްއެރީ ނޭގިހުއްޓާ ފެނުނީމަ އެލިބޭ އުފާ މާބޮޑުވާނެކަމަށް، އެހެންވެ ޒައުލްކައިރީ ނުބުނީ ޝައިސްތާ މިރޭގެ ކެއުމުގައި ބައިވެރިވާކަން” ލާއިގާ ކުޑަކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.
“އަޅުގަނޑު އަންނަކަން ނޭގޭތިވެގެންކަންނޭގެ ނައިސް މަޑުއެކުރަނީ، އެހެންނޫނީ ޒައުލް އަންނާނެ….” ޝައިސްތާ ހިނިއައިސްފައި ވަރަށް ޔަގީންކަމާއިއެކު ބުނެލިއެވެ.
ވެހެމުންދިޔަ ވާރެއަށް ބަދަލެއްނާދެއެވެ. ޖެހެމުންދިޔަ ވައިމަޑުވެ ވާރޭ އެއްފަހަރަށްވުރެ އަނެއްފަހަރު ބޯކުރަމުންދިޔައެވެ. ޒައުލް ކާރު ދުއްވަމުންދިޔައީ މަގުމައްޗަށް ވަރަށް ބޮޑަށް ސަމާލުވެއިނދެއެވެ. އޭގެއިތުރުން އޭނަ ޔޫހައަށް ދޭސަމާލުކަންވެސް ކުޑައެއްނޫނެވެ. މިފިނި ފިނިރޭގައި ޒައުލްގެ ހިތް އެދިގޮވަމުންދަނީ އެއަތުގެތެރެއަށް ޔޫހާ ގެނެސްލުމަށެވެ. އަދި އެހަށިގަނޑުގެ ހޫނުކަން މުޅިރޭ އިޙްސާސްކޮއްލުމަށެވެ. ނަމަވެސް އެއިޙްސާސްތައް އޭނަގެ ހިތުގެތެރޭގައި ފޮރުވާލައިގެން އިންއިރު އެތުންފަތަށް ލާނެތް ލުއި ހިނިތުންވުމެއްވެރިވެފައިވެއެވެ.
ޔޫހާމެންގެއާއި ހަމައަށްދެވެންދެންވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއްނުދައްކައެވެ. ކޮންމެ މީހެއްގެ ހިތުގައި އެތަށްކަމެއް ފޮރުވާލައިގެން ތިބީއެވެ. ޔޫހާމެންގޭ ދޮރުމައްޗަށް ޒައުލް ކާރު މަޑުކޮއްލުމާއިއެކު ޔޫހާއަށް ބަލާލިއެވެ. އޭނަ މާއަވަސްއަރުވާލާފައި ކާރުން ފައިބާކަށް ނޫޅެއެވެ. ދޮރުހުޅުވާލަން ދޮރުގައި ހިފާލާފަވެސް ޔޫހާ ޒައުލްއަށް ބަލާލީ އެއްޗެއް ބުނަންއުޅޭކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ޒައުލް އޭނަ އާއި ދިމާލަށް ބަލަންއިނުމުން ރަކި ހިނިތުންވުމެއް ދީފައި އިސްޖަހާލަމުން ކާރުން ފައިބަން އުޅުނެވެ.
“ކީކޭ….” ޔޫހާ ދޮރުހުޅުވާލިތަނާހެން ޒައުލް ބުނެލިއެވެ.
“ހޫމް….” ޔޫހާ ހުޅުވާލި ކާރުގެ ދޮރުފަތް ހަލުވިކަމާއިއެކު ލައްޕާލަމުން ޒައުލްއަށް ބަލާލީ އޭނަ ބުނިއެއްޗެއް ނޭގިގެން ބަލާލިފަދަގޮތަކަށެވެ.
“ޔޫހާ އެއްޗެއް ނުބުނަންތަ” ޒައުލް ކާރުގެ ހުންގާނުބުރުގައި އެއްއަތްއަޅުވާލަމުން ޔޫހާ އާއިދިމާލަށް ކުޑަކޮށް އެނބުރި އިނދެ ބުނެލިއެވެ. ޔޫހާ އަވަސް ނަޒަރެއް ޒައުލްއަށް ދެމުން ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ.
“ދެން ދަނީ….” ޒައުލް އިތުރުއެއްޗެއް ނުބުނުމުން ޔޫހާ ކާރުން ފައިބައިގެން އަތުގައި އޮތް އަތްދަބަސް މެޔާލާފިއްތާލައިގެން ހުރެ ގޭގެ ދޮޮރޯށީގެ ހިޔަލަށްވަނެވެ.
އެމީލީހިޔާގޭގެ ބޮޑުގޭޓު ކައިރީ ފާރައަށް ހުންނަ ވޮޗަރުމީހާ ގޭޓު ހުޅުވާލުމާއިއެކު ޒައުލް އޭނަގެ ކާރުގައި އެތެެރެއަށް ވަދެގެންއައެވެ. އަދި ކާރު އޮންނަންވާ ހިސާބުގައި ޕާކުކޮއްލުމާއިއެކު ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުމެ ތަޅުދަނޑިން ކާރު ތަޅުލިއެވެ. އޭރު ކާރުތައްޕާކުކޮށްފައި އޮތްތަނުން މައިގެއަށް ވަންނަން ހިނގާލާފައި ގޮސްފިނަމަ ތެމޭނެކަން ޒައުލްއަށް އެނގެއެވެ. އަދިވެސް ޔަގީންކޮއްލާފަދަ ގޮތަކަށް އޭނަގެ އަތް ވާރޭވެހެމުންދިޔަ ދިމާލަށް ދިއްކޮއްލިއެވެ. ވާރޭގެތިކިތަކުން އަތްތިލައިގެ ބޮޑުބައެއް ތެތްމާލުމުން ޒައުލް އެއަތްފޮޅާލާލިއެވެ. އަދި މައިގެއަށްވަނުމަށް ހުރި ދޮރަށް ލޯހިމަކޮއްލާފައި ބަލާލަމުން ދުއްވައިގަތެވެ. ހީވީ އެދެމެދުގައި ހުރި ދުރުމިން އަންދާޒާކޮއްލާފައި ދުއްވައިގަތްހެންނެވެ. މޫނުގައި ފެންޖެހިދާނެތީ ނިތުގައި ޖައްސާލެވިފައިވާ އަތް ޒައުލް ދުރަށްލަމުން މީހާގެ ގައިން ފެންފޮޅާލީ ސިޓިންރޫމު ދޮރުމައްޗަށް އެރުމާއިއެކުއެވެ.
“ޒައުލް….” ކުއްލިއަކަށް ސިޓިންރޫމު ތެރެއިން ޒައުލް ދަންނައަޑަކުން އަންހެން ކުއްޖަކު ގޮވާލިއެވެ. ފަހަތަށް އެނބުރެންވިއިރު އޭނަގެ ގާތުގައި އައިސް ޝައިސްތާ މަޑުކޮއްލައިފިއެވެ.
“އެސްތާ….މިގަޑީގަ، މިގޭގަ…” ޒައުލްއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
“ސަޕްރައިޒްވެއްޖެ ދޯ….ތީވާ ރަނގަޅު މީހެއް، ގެއަށް ނުދަނިސް ނަސީބަކުން ދިމާވެއްޖެ….އެކަމަކު އަހަރެން މިހިރީ ޒައުލްދެކެ ރުޅިއައިސްފަ، މިރޭގެ ކެއުމުގައި ޒައުލް ބައިވެރިވުމަށް މާމަ އެދުނީ ކީއްވެކަން އެނގޭތަ….” ޝައިސްތާ ތުންދަމާލަމުން ރުޅިވެރި މޫނެއްދައްކަން މަސައްކަތްކުރިއެވެ.
“އެސްތާ އަންނާތިވެގެން ދޯ” ޒައުލް އޭނަގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލަމުން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
“ޔެސް….ހަމައެކަނި އެހެންވެގެންނެއްނޫން ރުޅިއައިސްފަ މިހިރީ، ކީއްވެތަ އަހަންނަށް ނުގުޅީ، ބުނީމެއްނު ދެން އެކޮޅަށް ދާކަށް ގަސްދެއްނުކުރަމޭ، އަހަރެން މިހުންނަނީ ޒައުލް އަހަންނަށް ފޯނު ނަންބަރު ދެންދެން، ނޫނީ އަހަންނަށް ގުޅާތޯ” ޝައިސްތާ ޖެހިލުންކުޑަގޮތަކަށް ބުނެލިއެވެ. ޒައުލް މާނައެއްނުވާފަދަ ގޮޮތަކަށް ހީނލާފައި ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ޝައިސްތާއަށް ކޮންމެވެސް ވަރެއްގެ ހައިރާންކަން ލިބުނެއްކަމަކު ޒައުލްގެ ފަހަތުން އޭނަ އައެވެ. އޭރު ލާއިގާ އާދައިގެމަތިން ޓީވީ ބަލަން ސޯފާގައި އިންތަން ޒައުލްއަށް ފެނުނެވެ. އޭނަ ސޯފާގައި އިނދެ ޒައުލް އާއި ދިމާލަށް އެނބުރިލާ ބަލާލިގޮތުންވެސް އެއިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ޒައުލްއަށް އެނގުނެވެ.
“ހިނގާބަލަ ޓެރެސްއަށް، ވާހަކަދައްކާލަން….މާމާ، އެންމެ ރަނގަޅުތޯ އަޅުގަނޑާ ޒައުލް ޓެރެސްގައި ވާހަކަދައްކާލަން މަޑުކޮއްލިޔަސް” ޝައިސްތާ ޒައުލްއަށް ބުނެލާފަވެސް ކުއްލިއަކަށް ލާއިގާއަށް ބަލާލަމުން އަހާލިއެވެ. ލާއިގާ ހިނިތުންވުމެއް ދައްކާލަމުން ބޯޖަހާލާފައި އާއެކޭ ބުނެލިއެވެ.
“ޝައިސްތާ، މިރޭ ދެން މިގޭގަ މަޑުކުރަންވީނު، ތިބުނީވިއްޔަ އެކަންޏޭ އައިސް ތިއުޅެނީ، މިކަހަލަ ތޫފާނީރެއަކު އެކަނި ގޭގަ ހުންނާނެކަމެއްނެތް…..” ޝައިސްތާ ޒައުލް އާއި ދިމާލަށް އެނބުރިލިތަނާހެން ލާއިގާ ބުނެލިއެވެ.
“ނޫނޭ މާމާ، ރަނގަޅުވާނެ، އަޅުގަނޑު އެކަންޏެއް ނުވާނެއޭ….ޒައުލް ކާރުގަ އަޅުގަނޑު ގެންގޮސްދޭނެ، އެވަރުން އޯކޭވާނެ” ތުއިގޮތަކަށް ޝައިސްތާ ޒައުލްގެ އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާގާތްވެލަމުން ބުނެލިއެވެ.
“މާމައެއްނު ތިކިޔަނީ، އެހެންވީމަ މާމަ ބުނާބަސް ގަބޫލުކުރަންވާނެ، ޝައިސްތާގެ މަންމަވެސް އެންމެ ހިތްހަމަޖެހޭނީ މިގޮތަށް، އަހަރުމެންނަކީ ދުރުމީހުންނެއްނޫނެއްނު، މިރޭ ދެން ގެއަށްދާނެކަމެއްނެތް، އީލާކްގެ ކޮޓަރީގެ ކުރިމައްޗަށް ހުރި ކޮޓަރި ޝައިސްތާއަށް ތައްޔާރުކޮއްދޭނަން” ލާއިގާ އެގޮތަށް ނިންމިއިރު އެކަމުގައި ފޮރުވިފައިވާ ސިއްރެއްވާކަން ހަމައެކަނި އެނގެނީ އޭނައަށެވެ. އޭނަ ގަސްދުގައި ޝައިސްތާ އެގޭގައި ބަހައްޓަން ބޭނުންވަނީއެވެ.
“އޯކޭ…މާމައަށް އެނގޭނެ އަޅުގަނޑު މާމަގެ ނިންމުންތަކަށް އިޙްތިރާމްކުރާނެކަން، ކަމަކަށް އެހާވަރަށް އެދުމުން ނުކޮއްދީއެއް އަޅުގަނޑަށް ނުކެރޭނެ….އެހެންވީމަ މާމަގެ ބަސް ގަދަވީ، އަޅުގަނޑު މިރޭ މިގޭގަ މަޑުކުރާނީ، އެކަމަކު އަޅުގަނޑު އަތުގަ ނުހުންނާނެ އެއްވެސް އެއްޗެއް” އިތުރުގޮތެއް ނެތިގެން ބުނާފަދަގޮތަކަށް ޝައިސްތާ ބުންޏަސް އޭނަގެ ހިތްވަނީ އެނިންމުމާއިދޭތެރޭ އުފަލުންނެވެ.
“އެކަމާ ކަންބޮޑުނުވޭ، މާމަ އެކަން ހަމަޖައްސާލަފާނަން، ދެން އެންމެ ރަނގަޅު ޒައުލް އާއި ދެކުދިން ވާހަކަދައްކާލަން ޓެރެސްއަށް ދިޔަޔަސް” ލާއިގާ އަދިވެސް ވާހަކަދެއްކީ ހިނިތުންވެލައިގެން އިނދެއެވެ. ޝައިސްތާ ތުއިގޮތަކަށް އެނބުރިލާފައި ސިޑިއާއި ދިމާލަށް ދިޔައީ ޒައުލްގެ އަތްތިލާގައި ހިފާލައިގެންނެވެ. ޒައުލް ހިނިތުންވެލާފައި ޝައިސްތާ އާއިއެކު ސިޑިއާއި ދިމާލަށް ދިޔަޔަސް މަޑުމަޑުން އޭނަގެ އަތް ޝައިސްތާގެ އަތާ ވަކިކޮއްލިއެވެ. އަދި ދެއަތްތިލަ ލައިގެން ހުރި ޖިންސުގެ ޖީބަށް ޖަހާލިއެވެ.
ޓެރެސްގަ ހިޔާކޮއްފައިވާބައިގަ ހުރި ސޯފާސެޓުގެ ދިގުގޮނޑީގައި ޝައިސްތާ އިށީނީ އެގޮނޑީގައި ޒައުލް އާއިދެމީހުން ތިބުމުގެ ޖާހަގަ އޮންނާނެތީއެވެ. އެހެންނަމަވެސް ޒައުލް އިށީނީ ވަކިން ހުރި ސޯފާގޮނޑީގައެވެ. ވެހެމުންދިޔަ ވާރޭގެ އަސަރު އެމީހުންތިބި ހިސާބަށް ނުކުރީ ދަމާލެވޭގޮތަށް ހުރި ބިއްލޫރި ދޮރުތައް ލައްޕާފައި ހުރުމުންނެވެ. ނަމަވެސް ފައިދަށުގައި ޖަހާފައިހުރި މާބަލްމުށިތަކުގައި ފިނިހިފާފައިވާތީ އެތަންވަރަށް ފިންޏެވެ. ސޯފާގައި އިށިންގޮތަށް ޝައިސްތާ އޭނަގެ ހާމަކަންބޮޑު ދެއަތުގައި އަތްހާކާލީ ފިނިވެގެން ހަދާލާފަދަ ގޮތަކަށެވެ.
“ކުދި ރަޖާ ހުންނާނެ، ބުނަންތަ ގެނެސްދެން” ޒައުލް ގޮނޑީގައި ހަމަޖެހިލައިގެން ޝައިސްތާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ބުނެލިއެވެ.
“ޔެސް ޕްލީޒް، ހާދަ ފިންޏޭ މިތަން، ހީކަރުވައިގަނެއްޖެ….” ޝައިސްތާ ހަޝަމްބަނދެލަމުން ހަށިގަނޑު ހަރުކަށިކޮއްލާފައި ދެދަތްޕިލާ ޖައްސާލައިގެން އިނދެ ވާހަކަދެއްކިއެވެ.
“އެކަމަކުވެސް ހެވެންނު، މިތަނަށް އަންނަންވެއްޖެވިއްޔަ….ފިނިރެއެއްކަން އެނގޭއިރުވެސް ތިއިނީ ލައިގެން އިން ޓޮޕުކޮޅު، ހީވަނީ ދެފަރާތުން ދެފޮތިކޮޅު ގުޅުވާލާފަ ހުރިހެން” ޒައުލް ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ. އަދި ހީނލާފައި ތެދުވީ ރަޖައެއް ހިފައިގެން އައުމަށެވެ.
“ޒައުލް ގާތު އަހަރެން ބުނަންދޯ، އަހަރެން ލާ ހެނދުމާ ނުބެހެއްޗޭ، މީ މިހާރުގެ ފެޝަނޭ” ޝައިސްތާ ފޮނިގޮތަކަށް ބުނެލިއެވެ.
“ހެ ހެ ހެ…..އެހެންތަ، މިފަހަރު ފިނި މޫސުމަށްނެރުނީ ހޫނު މޫސުމުގައި ލާކަހަލަ ހެނދުންތަ؟” ޒައުލްގެ އަޑުގައިވަނީ ދިމާކޮއްލުމުގެ ރާގެވެ. ޝައިސްތާ ދެފަރާތަށް ތުންއަނބުރާލާފައި ދެބުމަ ކައިރިކޮއްލަމުން ކުރިއަށްވުރެވެސް ބޮޑަށް ގައިގާ ދެއަތުން ހިފަހައްޓާލިއެވެ. ޒައުލް ހިނިއައިސްފައިހުރެ ސިޑިން ފައިބަން ދިޔައެވެ.
ގިނައިރެއްނުވެ ޒައުލް އައިއިރު އޭނަގެ އަތުގައި ފަތްޖަހާލެފިވައިވާ ރަޖައަކާއި ރަތްއަފާލެއްގެ އިތުރުން ކުޑަފެންފުޅިއެއްވެސް އޮތެވެ. ޒައުލް އައިގޮތަށް އައިސް ރަޖާފަތުރާލާފައި ޝައިސްތާގެ ފަހަތުން ރަޖާގެނެސް ކައިރިކޮއްލަދިނެވެ. އެވަގުތު އަތުގައި ހުރި ފެންފުޅި ސޯފާކުރިމަތީ ހުރި މޭޒުގެ މަތީ ބަހައްޓާލާފައި ހުއްޓެވެ.
“ނޭނގޭނެއެއްނު ވާރޭވެހޭނެކަމެއް، ދުވާލުގަޑީގަ އުޑުމަތި އޮތީ ނުލާހިކު ސާފުކޮއްވިއްޔަ” ޝައިސްތާ އޭނަގެ ހަށިގަނޑުގެ ބޮޑުބައެއް ރަޖައިން ނިވާކޮއްލުމާއިއެކު ބުނެލިއެވެ. ޒައުލް ވަކިއެއްޗެއް ނުބުނެ ހިނގައިގަތީ ވެހެމުންދިޔަ ވާރެއަށް ނަޒަރުހުއްޓައިލައިގެން ހުރެއެވެ. ބިއްލޫރިދޮރުތަކުން ވާރޭގެ ފެންތިކިތަށް ފައިބައިގެންދާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. އަތުގައި އޮތް އާފަލުނަގާ އޭގެން އެތިކޮޅެއްކާލީވެސް ދުރަށް ބަލަހައްޓައިގެން ހުރެއެވެ. ބޯވާރޭގެ ސަބަބުން ފުސްވެފައިވިޔަސް އޭނަގެ ދެލޯ ހޯދަމުންދިޔައީ އެމަންޒަރެއްނޫނެވެ. އޭގެ ބަދަލުގައި އޭނަގެ ލޯކުރިމަތީ އެހެންމީހުންނަށް ނުފެންނާނޭހެން ސިފަވެފައިވަނީ ޔޫހާގެ ރީތި ސޫރައެވެ. އެހިނދު ލޯތްބާއިއެކު ހިނިތުންވެލެވުނީ މޮޔައަކުފަދައިންނެވެ. އެހިނިތުންވުމާއިއެކު ކުރިމަތީހުރި ބިއްލޫރިދޮރުގައި ބޯޖައްސާލެވުމާއިއެކު ދެލޯ މަރާލެވުނެވެ.
“އައި ލަވް ރެއިން…” ޒައުލް ސިހިފައި ލޯހުޅުވާލިއިރު އޭނަގެ ދާދިގާތުގައި ރަޖާއޮޅާލައިގެން ޝައިސްތާ ހުއްޓެވެ. ޒައުލްގެ ސިކުނޑީގައި ސިފަކުރަމުންދިޔަ ރީތި ލޯބީގެ ހިޔާލުގެތެރެއިން ނުކުންނަންޖެހުމުން އޭނައަށް އުނދަގޫވިއެއްކަމަކު އެކަން މާބޮޑުކަމަކަށް ނުހަދާ ޝައިސްތާ އާއި ދިމާލަށް އެނބުރިލާފައި ހިނިތުންވެލިއެވެ.
“އަހަރެން ހިތަށްއަރާ އަހަރުމެން ދެމީހުންގެ ގުޅުން ކެނޑޭވަރުގެ ހިނގީ ކޮންކަމެއްބާއޭ، ކިޔަވަން އުޅުނު ދުވަސްތައް….އަހަރެން ހަނދާނެއްނުނެތޭނެ އެދުވަސްތަކެއް” ޝައިސްތާ ޒައުލްއަށް ބަލާލީ ވަރަށް ގާތް ނަޒަރަކުންނެވެ. ޝައިސްތާއަކީ ރީތި އަންހެން ކުއްޖެކެވެ. އެދެމީހުން ކިޔަވަން އުޅުނުއިރު ފިރިހެން ކުދިންގެ ތެރޭ މަޝްހޫރުވެސް އަންހެން ކުއްޖެކެވެ. އެކަމަކު އޭނައަކީ ބޮޑާ ފޮނި އަންހެން ކުއްޖެއްގެ ގޮތުގައިވެސް މަޝްހޫރު އަންހެން ކުއްޖެކެވެ. އޭނަގެ ހުރިހާ ސިފައެއްވެސް ޒައުލްއަށްވަނީ ފެނިފައެވެ. އޭނައަށްވުރެ ބޮޑަށް ޝައިސްތާގެ ގޮތް އެނގޭނެ އެހެންމީހަކު ހުންނާނެއެކޭ ޒައުލްގެ ހިތެއްނުބުނެއެވެ.
ޒައުލް އޭނަގެ އަތުގައި އޮތް އާފަލުގައި ދަތްއަޅާލުމާއިއެކު ޝައިސްތާ އައިސް ޒައުލްގެ ގައިގާ ލައްވެލަމުން އާފަލުގައި ހިފާލައިގެން ޒައުލް ހުރި އަތުގައި ބޮސްދީފިއެވެ. ލިބުނު ސިހުމާއިއެކު ޒައުލްގެ އަތުން އާފަލު ދޫވެއްޖެއެވެ. އަދި ވަގުތުން ޝައިސްތާގެ ކޮނޑުގައި ދެއަތުން ހިފާ ދުރުކޮއްލެވުނެވެ.
“އެސްތާ…ކީއްތަ ތިކުރީ….” ޒައުލް ޝައިސްތާ އަށް ފުރަގަސްދެމުން ބުނެލިއެވެ.
“ޒައުލްއަށް ކިހިިނެއްތަ ތިވީ” ޝައިސްތާވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.
“އެސްތާ، އަހަރުމެން ކިޔަވަން އުޅުނު ދުވަސްތަކުގެ ވާހަކަދެއްކިޔަސް، އޭރުގެ ޒައުލްއެއްނޫން މިހާރު އެސްތާގެ ކުރިމަތީ މިހިރީ، އަހަރެން ހީކުރީ އެންމެ ފުރަތަމަ ޕާޓީއިން ދިމާވި ރޭވެސް އެކަން އެނގޭނެކަމަށް، އެސްތާ، އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން….” ޒައުލް މެޔާއި ދިމާލުން ދެއަތްހުރަސް ކޮއްލައިގެން ހުރެ ބުނެލިއެވެ. އޭރުވެސް އޭނަ ޝައިސްތާ އާއި ކުރިމަތިލާކަށް ގަސްދެއްނުކުރެއެވެ. ޝައިސްތާވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ވާހަކަދައްކަންފެށިއެވެ.
“އަހަންނަށް މިހާރު އޮޅިއްޖެ، ތިކަން މާމައަށް އެނގޭތަ” ޝައިސްތާ އޭނައަށް ފުރަގަސްދީގެން ހުރި ޒައުލަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު ޒައުލްވެސް އެނބުރި ޝައިސްތާއަށް ބަލާލިއެވެ.
“މާމައަށް އެނގޭ” ޒައުލް އަވަސް އަވަހަށް ބުނެލިއެވެ.
“މާމަގެ ވާހަކަ ހުރިގޮތުން އަހަންނަށް ހީކުރެވުނީ މިގެއަށް ޒައުލް އާއި ކައިވެނިކުރުމަށް ގެންނަން ބޭނުންވެފައިވަނީ އަހަންނޭ، މާމަ ވަރަށް ބޭނުންވޭ އަހަރެން މިގެއަށް އަންނަން، ޒައުލް އާއި ގުޅުން ބާއްވަން، އަދި ބުނި….އަހަރުމެން ދެމީހުންގެ ޖޯޑަކީ މާކުރިންސުރެވެސް ގުޅޭ ޖޯޑެކޭ، ދެކުދިން އެކުގައި އަބަދުވެސް އުޅޭތަން ދެކެން ބޭނުމޭ….ކީއްވެ މާމަ އެގޮތަށް ވާހަކަދައްކަންވީ، ޒައުލް އަހަންނަށް ދޮގު ހަދަނީތަ” ޝައިސްތާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“މާމަ ތިހިސާބަށްވެސް ކަންތައް ގެންދިޔައީތަ، އަދި މިއުޅެނީ ސައުވީސްގަޑިއިރު ހަމަނުވެގެން، އެހާ އަވަހަށް މާމަ އަހަރެންގެ ކައިވެނި އެހެންމީހަކާ ކުރަން ނިންމީތަ” ޒައުލް އޭނަގެ ނިތްކުރީގައި ހާސްކަމާއިއެކު އަތްހާކާލަމުން ޝައިސްތާ އާއި ދުރަށް ހިނގައިގަތެވެ.
“ޒައުލް…ކޮންކަމަކަށްތަ ސައުވީސް ގަޑިއިރު ހަމަނުވަނީ، އަހަންނަށް އަދިވެސް ވާއެއްނުވާއެއް ނޭގެ” ޝައިސްތާ ބުނެލިއެވެ.
“ޔޫހާ އާއި މާމަ ބައްދަލުކުރަން ބޭނުންވެގެން މިގެއަށް ގެނައީ މިއަދު ހަވީރު، މާމައަށް އޭނަ ކަމަކު ނުދިޔަ، ދެން މިހާރު އެއުޅެނީ ޝައިސްތާ އާއި އަހަންނާ ގުޅުވަންވެގެން” ޒައުލްގެ އަޑުގައި ހިތްހަމަނުޖެހިފައި ހުރި ރާގުއެކުލެވިފައިވިއެވެ. އެކަން ޝައިސްތާއަށްވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ޒައުލް އާމުކޮށް ރުޅި އައިސްގެން ނޫނީ އޭނަގެ ފުރިހަމަނަން ނުކިޔާނެއެވެ. ނަމަވެސް ޒައުލްގެ ވާހަކަތަކުން އޭނަގެ ހިތަށް ތަދުކުރިއެވެ. އޭނަވެސް ހުރީ ލާއިގާ ބޭނުންވާގޮތަށް ޒައުލްގެ ހަޔާތުގެ ބައިވެރިޔާޔަށް ވާން ބޭނުންވެފައެވެ. އެކަމަކު އެއީ ޒައުލް ބޭނުންވާގޮތް ނޫންކަން އެނގުމުން އިތުރަށް އެކަމާ ބުނާނެ އެއްޗެއް ޝައިސްތާއަކަށް ނޭގުނެވެ. ޒައުލް އަންހެން ކުއްޖަކާމެދު އެހާ ޚާއްޞަގޮތެއް ބަހައްޓަފާނެކަމަށް އޭނައަށް ހީވެފައިނެތީއެވެ. ޒައުލްއަކީ އަންހެން ކުދިންގެ މެދުގައި މަޝްހޫރު ފިރިހެނަކަށްވިޔަސް އޭނަގެ އެންމެ ގާތުގައި އަބަދުވެސް ޝައިސްތާ ބަހައްޓައިގެން އުޅުނު ޒުވާނެކެވެ. ޒައުލްގެ ހަޔާތުގެ ބައިވެރިއަކު ހޮވާނަމަ އެފުރުޞަތު ދޭނީ ޝައިސްތާއަށްކަން ހީވެފައި އޮތީ ހަމައެކަނި އޭނައަށް އެކަންޏެއްނޫނެވެ. އެދެމީހުން އެކުގައި އުޅުނު ތަންފެނިފައިވާ އެތަށްބައެއްވެސްމެއެވެ.
“މާމަ އާއި އަހަރެން ވާހަކަދައްކަން އެބަޖެހޭ، ޕްލީޒް….މިވަގުތު ޝައިސްތާއަށް އަހަންނަށް ވަގުތުދެވެން ނެތުމުން މާފަށްއެދެން، އެކަމަކު އަހަރެން މިވަގުތު މާމަ އާއި އެވާހަކަ ނުދައްކައިފިއްޔާ މާބޮޑަށްވެސް ލަސްވެދާނެ، އެސްތާ އަންޑަސްޓޭންޑްވާނެކަން އަހަންނަށް އެނގޭ….ސޮރީ” ޒައުލް ޝައިސްތާއަށް ބަލަހައްޓައިގެން ހުރެ އަތުގެ ހަރަކާތާއިއެކު ވާހަކަދެއްކިއެވެ. އިތުރު ގޮތެއްނެތް ޝައިސްތާ މަޑުމަޑުން ބޯޖަހާލީ ޒައުލް އެތަނުން ދިއުމުގެ ހުއްދަދީފީމޭ ބުނާފަދަގޮތަކަށެވެ. ކޮއްފައިހުރި މޭކަޕާއިއެކުވެސް ޝައިސްތާގެ މޫނުމަތި މިލައިގެން ހިނގައްޖެއެވެ. އޭނަގެ ލޮލަށް ޒައުލް ގެއްލެންދެން ބަލަހައްޓައިގެންހުއްޓެވެ. ޝައިސްތާއަށް އޭނަގެ އަމިއްލަ ހިތާ ކުޑަކޮށް ޝަކުވާކޮއްލެވުނެވެ.
“މާމާ…އަޅުގަނޑު ޒައުލް” ޒައުލް ލާއިގާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ކޮޓަރީތެރެއަށް އަޑުފޯރާނޭވަރަށެވެ. ޒައުލް ލާއިގާގެ ޖަވާބަކަށް އިންތިޒާރުކޮއްގެން ހުއްޓާ ކޮޓަރީގެ ދޮރުހުޅުވާލައިފިއެވެ.
“ވަދޭ…” ދޮރުހުޅުވާލި ލާއިގާ ކުރިމަތީގައި ހުރި ޒައުލްއަށް ބުނެލިއެވެ. މިފަހަރު ލާއިގާގެ ފަރާތުންވެސް އެހެންޏާ ޒައުލް ފެންނައިރަށް އެހުންނަށް ލޯތްބާއި އޯގާތެރި ކަމެއްނުފެނުނެވެ. އޭގެ ބަދަލުގައި އަޑުގައި އަދިވެސްވަނީ ރުންކުރުގޮތެވެ.
“މާމާ، ޔޫހާ އާއި އަޅުގަނޑު ކައިވެނި ކުރާނީ…” ކެތްތެރިކަން ކުޑަވެފައި ހުރިގޮތަކަށް ޒައުލް ބުނެލިއެވެ. އޭރު ލާއިގާ ވަދެގެން އައިސް އޭނާގެ އެނދުގައި އިށީންނަނީއެވެ. ޒައުލް އެއްވެސް ތަނެއްގައި އިށީނދެ ހަމަޖެހޭކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ލާއިގާ އެއްފަރާތެއްގައި ވަކިން ހުރި ގޮނޑިއަކަށް އިޝާރާތްކޮއްލުމާއިއެކު ޒައުލް ބޭނުންނުވެހުރެ އައިސް އިށީނެވެ.
“މާމާ، އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ ޔޫހާ އާއި….” ގޮނޑީގައި ފޫޖެހުމާއިއެކު އަނެއްކާވެސް ޒައުލް ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ.
“މާމައަށް ޒައުލް ބުނިއެއްޗެއް އަޑުއިވުނޭ، އެކަމަކު އެއްޗެއް ނުބުނަން މީނީ ތިކަމާ ގަބޫލުނުވެވޭނެތީ، ޒައުލްއަށް ތިހާ ބޮޑުބަދަލެއް އޭނަ ގެނުވީތީ ހަމަ ހައިރާންވެއްޖެ، ދަރިއަކު ހުރި އަންހެނެއް، ރާއްޖެތެރޭގެ ނާތަހުޒީބުގޮތް ގަނޑު، ނޭގެ ރަނގަޅަށް ކިޔެވިފަ ހުރިކަމެއްވެސް، އެހެންތަ ޒައުލް….ތީ މިމާލޭގަވެސް ހުރި އެންމެ ކާމިޔާބު ވިޔަފާރިވެރިޔާގެ ހުރި ހަމައެކަނި ފިރިހެން ދަރި، މަތީ ތައުލީމު ޚާޞިލްކުރި، އެވެސް ދުނިޔޭގެ ފެންވަރުގެ މޮޅެތި ކޮލެޖުތަކާއި ޔުނިވާރސިޓީތަކުން….މިއަދު ޒައުލްއަކީ މިމާލޭގެ މީޑިއާގެ އެންމެ ޒުވާން މޫނު….މިހުރިހާ ކަމަކަށް ދަރިފުޅު ވިސްނާލިނަމަ ނުބުނާނެ އެއަންހެން މީހާ އާއި ކައިވެނި ކުރާކަށް، އޭގެ ބަދަލުގަ ޝައިސްތާމެން ކަހަލަ ކުއްޖަކާ ކައިވެނި ކުރުން ޒައުލާ މާއެކަށީގެންވޭ” ލާއިގާ އޭނަގެ ހިތުގައިވާ އެއްޗެހި ބޭރުކުރަމުންދިޔައެވެ.
“މާމައަށް ޔޫހާ ނޭގޭތީވެ ތިހެން ތިބުނުއްވަނީ، ހަގީގަތުގަ އޭނަގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ނަގާލި މީހަކީ އަޅުގަނޑު، އެހެންނޫންނަމަ އޭނަ މަތީ ތައުލީމުވެސް ހާސިލްކުރީސްކަން ޔަގީން، އަދި އެނބުރިއައިސް ހުންނާނީ މިތަނުގެ މަތީ މަގާމެއް ފުރުމުގައި….އެކަމަކު….މާމާ، އޭނައަށް އެހުރިހާ އުފަލެއް ހާޞިލެއްނުވިޔޭ، މިއަދު އޭނަ އަޅުގަނޑާ ކައިވެނި ކުރަން އެއުޅެނީ، އަޅުގަނޑުމެންގެ މުދާގަނޑަށް ވެރިވެގަންނާކަށް ނޫން، މިކައިވެންޏަށް އެދި ޔޫހާއަށް މަޖުބޫރު ކުރުވި މީހަކީވެސް އަޅުގަނޑު، އޭނަގެ ދަރިއަކު ހުރިކަމާ އަދި އޭނައަކީ ކިހާފެންވަރެއްގެ ކޮންގޮތަކަށްއުޅޭ އަންހެންކުއްޖެއްކަން އަޅުގަނޑަށް އެނގިހުރެ އޭނަ އާއި ގުޅެން ބޭނުންވީ….އަޅުގަނޑު ހީކުރީ މާމައަށް އެނގިލައްވާނެކަމަށް” ޒައުލްއަށް ގޮނޑިން ތެދުވެވުނެވެ.
“ކޮންކަމެއްތަ މާމައަށް އެނގެންޖެހެނީ” ލާއިގާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
“މާމައަށްވެސް އަދި ބައްޕައަށްވެސް ޔޫހާ ގޮވައިގެން އައި ކުޑަކުއްޖާ ލޮލުގައި އަޅައިގަތްކަން އަޅުގަނޑަށް އެނގޭ، އެކަމާ ހައިރާންވިވަރު އަޅުގަނޑަށް މާމަގެ މޫނުމަތިން ފެނިގެންދިޔަ….އަޅުގަނޑަށް އެނގޭ މާމައަށް ޔޫހާގެ ކުއްޖެއް ހުންނަކަން އެނގިޖެއްޔާ މިކައިވެންޏަށް ހުރަސްއަޅާނެކަން، އެހެންވެ އެކަން ސިއްރުކުރަން އުޅުނީ، އެކަމަކު ޔޫހާ ބޭނުމެއްނުވޭ އޮޅުވާލަައިގެން ކައިވެންޏެއް ކުރާކަށް….” ޒައުލް ދައްކަމުންދިޔަ ވާހަކަ ލާއިގާ މެދުކަނޑާލިއެވެ.
“ޒައުލް ކީކޭތަ ކިޔަން ތިއުޅެނީ، އިތުރަށް މާމަ ތި ޔޫހާއެއްގެ ވާހަކަ އަޑުއަހާކަށް ނެތިން، ޝައިސްތާ އާއި ދަރިފުޅުގެ ކައިވެނި ކުރަން މިހާރު ނިންމާފަވާނީ، މާދަމާ ޝައިސްތާގެ އާއިލާއަށްވެސް އެކަން އަންގާނަން…” ލާއިގާވެސް މިހެންބުނަމުން އިންތަނުން ތެދުވެއްޖެއެވެ.
“މާމާ، ޕްލީޒް…އަޅުގަނޑު މާމަދެކެ ލޯބިވާވަރު އެނގިލައްވާނެ، ދެބަސްވާކަށް ދުވަހަކުވެސް ނޭދެމު، އަޅުގަނޑުވެސް ޔޫހާ ނޫން މީހަކާ ނުގުޅޭނަންކަމަށް ވަޢުދުވަން، މާމާ، ޔޫހާގެ އެދަރިފުޅުގެ ބައްޕައަކީ އަޅުގަނޑު…އެދަރިފުޅާ ވަކިވާންވީތޯ” ޒައުލް އައިސް ލާއިގާގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ދެލޯބޮޑުކޮއްލުމާއިއެކު ލާއިގާއަށް ޒައުލްއަށް ބަލާލެވުނެވެ. ގަބޫލުކުރަން ބޭނުންނުވާފަދަ ގޮތަކަށް ލާއިގާ ދެފަރާތަށް ބޯހޫރުވާލިއެވެ.
“ނުވާނެ އެހެނެއް….ކީއްވެ އެހެންވާންވީ….ޒައުލް….އޭނަ ދަރިފުޅުގެ ބޮލުގައި އެޒިންމާ އަޅުވަންވެގެންދޯ އެމަސައްކަތްކުރަނީ” ލާއިގާގެ މޫނުމަތިން ކުރިއަށްވުރެވެސް ބޮޑަށް ރުޅިވެރިކަން ފާޅުވެގެންދިޔައެވެ. ނުވިތާކަށް އޭނަގެ އަޑުވެސް ބާރުވެގެންދިޔައެވެ.
“އަޅުގަނޑާ ޔޫހާ އާއި ދެމެދު އެފަދަ ގުޅުމެއްވަނީ ހިނގާފަ، މާމަ ގަބޫލު ނުކުރާނަމަ ޑީ.އެން.އޭ ޓެސްޓުވެސް ހަދައިދީފާނަން” ޒައުލް ލާއިގާގެ އަތްތިލާގައި ދެއަތުން ހިފާލީ އާދޭސްކުރާފަދަ ގޮތަކަށެވެ. އޭނަ ދައްކާވާހަކަ ގަބޫލުކުރުމަށްއެދިއެވެ.
“މާތް ކަލާކޯ، ޒައުލަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް، މާމައަށްވެސް އެނގޭ އެކުއްޖާ ހުރީ ޒައުލް ކުޑައިރު ހުންނަ ގޮތަށްކަން، އެކަމަކު އެއީ ޒައުލްގެ ދަރިއަކަށް….ނޫން…ނޫން….ކީއްވެ ޒައުލް، އެނގޭތަ މިކަން މީހުންނަށް އެނގިއްޖެއްޔާ ވާނެގޮތް، ތިކަން ހުއްޓާލާ، ހަމަ މިހާރު ހުއްޓާލާ…އިތުރަށް ޔޫހާ އާއި ބައްދަލު ކޮއްގެންވެސް ނުވާނެ….އެއީ ޒައުލްގެ ދަރިއެއްނޫން، އަމިއްލައަށް އެކަމުގެ ތެރެއަށް ވަންނަން ނޫޅޭ، އެމީހުންނާ ޒައުލް ޖެހޭނީ ދުރުވަން، އަދިއަމުދުން ދެންނުވާނެ ބައްދަލުކޮއްގެން، އެއްގޮތަކަށްވެސް ހީނުކުރަން ޒައުލްގެ ޢަމަލުތައް އެފަދަ ގޮތަކަށް ބަހައްޓަފާނެކަމަށް” ލާއިގާގެ ރުޅިގަޑު އުތުރިގަތްކަހަލައެވެ.
“އެކަމަކު މީ ތެދެއް، ޔޫހާގެ ދަރިއަކީ އަޅުގަނޑުގެވެސް ދަރިއެއް، މާމަ ގަބޫލުނުކުރެއްވިޔަސް އޭގަ އަޅުގަނޑު ކުރާނެކަމެއްނެތް، ވީ އެންމެ އަވަހަކަށް ކައިވެނި ކުރާނަން، ޔޫހާ އާއި ދަރިފުޅު ހުންނާނީ އަޅުގަނޑު އުޅޭތަނެއްގައި، މާމަ ބޭނުންވެނުލައްވާނަމަ މިރޭން މިރެއަށްވެސް އަޅުގަނޑު މިހުރީ މިގެއިން ނުކުމެގެން ދާގޮތަށް” ޒައުލް މިހެން ބުނެ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ވަރަށް ދެރަވެފައިހުރެ އެހެންނަމަވެސް ގޮތްދޫކުރަން ބޭނުންނުވާ ހާލުގައެވެ.
“ޒައުލް….” ލާއިގާ ވަރަށް ބާރަށް ގޮވާލިއެވެ. އެއާއިއެކު ދޮރާދިމާލަށް ދިޔަ ޒައުލް ވަގުތުން ހުއްޓިއްޖެއެވެ. އެހެންނަމަވެސް ފަހަތްބަލާވެސް ނުލާ ހުރި ފިޔަވަޅުމަތީގައި އޭނަ ހުރީއެވެ. ލާއިގާ އައިސް އޭނަގެ ގާތުގައި މަޑުކުރަމުން ވާހަކަދައްކަން ފެށިއެވެ.
“ދަރިފުޅު މާމަ ދޫކޮއްލާފަ ދާންތަ ތިވިސްނަނީ، މީ ދަރިފުޅު އުޅެބޮޑުވި ގެއެއްނު، މާމަ މުސްކުޅިވި ދުވަހު ކައިރީގަ ހުންނާނެ ކަމަށް އެންމެ އުންމީދު ކުރި ދަރިއަކީ ތީ، އެކަމަކު ތިބުނީ މިގެއާއި އާއިލާ ދޫކޮއްލާފަ ޔޫހާގެ ކައިރިއަށް ގޮސްދާނަމޭ….އެހެން ނުހަދާ، މާމައަށް ކެތެއްނުވާނެ ޒައުލް ނުކުމެގެން ދާތަން ދެކޭކަށް، މައްސަލައެއްނެތް، ދަރިފުޅަށްޓަކައި މާމަ އަދި އެއްފަހަރު ޔޫހާ އާއި ވާހަކަދައްކާލަން ބޭނުން، އޭނައަށް މިއާއިލާ އާއި ގުޅިގެން އުޅުމުގެ ފުރުޞަތު މާމަ ދޭނަން، އެގޮތް އެންމެ ރަނގަޅުތަ، ދެން ބުނޭ ނުދާނަމޭ….” ލާއިގާ ކަންބޮޑުވުމާއިއެކު ބުންޏެވެ. ޒައުލް އިރުކޮޅަކު ވިސްނާލުމަށްފަހު އެއްބަސްވިއެވެ. ދެރަވެގެން އުޅުނު ލާއިގާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެންނަމަވެސް އެހިނިތުންވުމުގައިވަނީ ދެއްކުންތެރި ގޮތެކެވެ. ލާއިގާ އެހާ ފަސޭހައިން ގަބޫލުވެދާނެއޭ ޒައުލް ހިއެއްނުކުރެއެވެ. އެހެންވެ އެކަމާ ކުޑަކޮށް ހައިރާންވިއެއްކަމަކު މާބޮޑު ކަމަކަށް ނުހެދިއެވެ. ގަބޫލުވީތީ އޭނަވެސް އެކަމާ ހިތްހަމަޖައްސާލީއެވެ.
މުޅި ރޭ ލާއިގާ ހޭދަކުރީ ވިސްނުމާ ފިކުރު ކުރުމުގައެވެ. އޭނަ ޔޫހާގެ ގެއަށް ދާން ނިންމިއެވެ. އަދި ހިތުގައި މޮޅު ރޭވުމެއް ރާވާލިއެވެ. ޒައުލްގެ ޅަކަމުން ކަމެއް ކުރެވިދާނެއޭ ލާއިގާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަހަލަ އަންހެން ކުދިން ވަރަށް މަކުރުވެރިވާނެއޭވެސް ހިތަށް އެރިއެވެ. ލާއިގާ ޒައުލް ކައިރީ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަ ހުރީ ޔޫހާ އާއި ޒައުލްގެ ކައިވެނި ކޮއްދޭފަދަ ގޮތަކަށްނޫނެވެ. އޭނަ މިހާރު ބޭނުންވަނީ ޒައުލްއަށް ނޭގި ޒައުލްގެ ދިރިއުޅުމުން ޔޫހާ ބޭރުކޮއްލާށެވެ.
ވަރަށް ލަސްވަންދެން ޓެރެސްގައި ޝައިސްތާއިނެވެ. އެހެންނަމަވެސް ޒައުލްގެ ޚަބަރެއްނުވުމުން އޭނަ ނިދަން ހަމަޖައްސާފައިވާ ކޮޓަރިއަށް ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ.
ހެނދުނު ސައިމޭޒު ދޮށުގައި އާފާގު މާ މަޑުމަޑުން އިންނަކަން ޒަރާނާއަށް ފާހަގަކުރެވުނެވެ. އެހިމޭންކަމާ އައްޔަދު އެދެމަފިރިން ގާތު ރޭގަ ހާމަކުރި ހިޔާލާ ގުޅުމެއްވާހެން ޒާރާނާއަށް ހީކުރެވުނެވެ.
“އައްޔަދުގެ އެނިންމުމާއިމެދުތަ ތިވިސްނަނީ” ޒަރާނާ އައިސް އާފާގުގެ ކައިރީ ހުރި ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.
“ހޫމް…މުޅިއަކުން އެކަމާއެއްވެސް ނޫން، އައްޔަދު ކައިވެނިކުރަން ބޭނުންނަމަ އަހަރެންގެ އެއްވެސް މައްސަލައެއްނެތް، އެކަމާ ފާޑުކިޔާނީ ޒަރާ، ރޭނިދެންދެންވެސް ދެއްކިވާހަކައިން އަހަންނަށް އެނގުނު އެއްޗަކީ އައްޔަދު އެބުނާ އަންހެން ކުއްޖާގެ ދަރިއަކު ހުއްޓަސް އެކަމާ ޒަރާގެ މާބޮޑު ދެކޮޅުހެދުމެއްނެތްކަން، އެއަށްވުރެ ޒަރާއަށް އޭނަ މާކަމުގޮސްފި” މިހެންބުނެ އާފާގު ހިނިތުންވެލިއެވެ.
“އެހެންނެއްނޫން، އޭނަގެ ދަރިއަކު ހުއްޓޭކިޔާފަ އެހިސާބުން އޭނަގެ ދިރިއުޅުން ނިމުނީކީ ނޫނެއްނު، އަނެއްކޮޅުން އައްޔަދުއަށް ޔޫހާގެ ދަރިއަކު ހުއްޓަސް މައްސަލައަކަށް ނުވަންޏާ އަހަރުމެންނަށް އެކަން މައްސަލައަކަށްވެގެން ނުވާނެތާ” ޒަރާނާ އޭނަގެ ހިޔާލު ފާޅުކުރިއެވެ.
“ކޮބާތަ އައްޔަދު، ގައިމު ބުނި މިއަދު ބައްޕަ އޮފީހަށް ދުރުވާއިރު ތިމަންނާވެސް ދާނަމޯ، އަދި ނުހޭލާ ކަންނޭގެ ދޯ، ޒަރާ ބަލާލައިފިންތަ އޭނަ ކޮބާތޯ” އާފާގު ބުނެލިއެވެ.
“އަހަރެން ކޮޓަރިއަށްވަތްއިރު ފާހާނާގަ އުޅެނީ، އަހާން….ލަހެއްނުވިއެއްނު….ދަރިފުޅުގެ ވާހަކަ މިދައްކަނީ” ޒަރާނާ ވާހަކަ ދައްކަދައްކާ ހުއްޓަ އެތަނަށް އައްޔަދު އައިތަން ފެނުމާއިއެކު ބުނެލިއެވެ. އަދި އޭނައަށް ތައްޔާރުކޮއްފައި ހުރި ތަށިގެނެސް ކުރިމަތީ ބެހެއްޓިއެވެ.
ހެނދުނުގެ ނާސްތާ ކުރުމަށް ކާމޭޒު ދޮށުގައި ހުރިހާ އެންމެން ތިބިއިރު ހެނދުނުގެ ތާޒާކަމާއި ހިތްހަމަޖެހުން ފެންނަންހުރީ ހަމައެކަނި އީލާކްގެ މޫނުމަތިންނެވެ. މަންސޫރު އިނީ ލާއިގާގެ މޫޑުއެހާ ގޯސްވާންޖެހުނު ސަބަބެއްނޭގިފައެވެ. ޒައުލް ރޭގަ ލާއިގާ ބުނިގަޑިއަށް ނައުމުން އެކަމާ އަދިވެސް ހިތްހަމަނުޖެހިފައި އިނީއޭވެސް މަންސޫރަށް ހީވިއެވެ. ޝައިސްތާގެ މޫނުމަތިން ފެންނަމުންދިޔަ ފޫހިކަމުގެ އިތުރުން ކާމޭޒުމަތީ އެންމެ ފުރަތަމަ ވާހަކަ ދެއްކީވެސް އޭނައެވެ.
“މާމާ، އަޅުގަނޑު ގެއަށް ދާން ނިންމައިފިން” ޝައިސްތާ ހިތްވަރުކޮއްފާ ބުނެލިއެވެ.
“ސައިބޮއެ ނިންމާލަފަ މާމަ އާއި ވާހަކަދައްކާލަން މަޑުކޮއްލާފައެއްނު ދާނީ” ލާއިގާ ބުނެލިއެވެ. ލާއިގާގެ ޖަވާބު އައިގޮތުން ޝައިސްތާ ވަރަށް ހައިރާންވިއެވެ. ރޭގައި އޭނަ ގޮސްދާނެތީ އުޅުނު ލާއިގާ މިހާރު އެހާ ފަސޭހައިން އޭނަ ދާން ބުނުމުން އެއްބަސްވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެހިނދު މަންސޫރުގެ ކަނާތްފަރާތުގައި އިން ޒައުލްއަށް ބަލާލެވުނެވެ. ޝައިސްތާއަށް ޒައުލްގެ ކުޅިވަރު ފެނިއްޖެކަން ލާއިގާއަށް އެނގެއެވެ. އެހެންވެ ކާމޭޒުދޮށުގައި ތިބެ މައްސަލަ ހައްލުކުރަން އޭނަ ބޭނުންނުވީއެވެ.
“ޒައުލް….ހޮޓެލަށް ދެވުނީމަ ޖަމާލު ފޮނުވާ ދެއްޗޭ، ޝައިސްތާ ގެއަށްލާންދާންވާނެއެއްނު” ލާއިގާ ހިނިއައިސްފައި ޒައުލްއަށް ބުނެލިއެވެ. ހޮޓެލަށް ދިއުމަށްޓަކައި ނުކުމެ ނުކުމެ ހުރި ޒައުލް ހުއްޓެމުން ލާއިގާއަށް ބަލާލާފައި ބޯޖަހާލަމުން ހިނިތުންވެލިއެވެ. ލާއިގާގެ މޫނުމަތީގައިވި ހިނިތުންވުން ޒައުލްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.
“މާމަ ތިދައްކަވާ ވާހަކައެއް އަޅުގަނޑަށް ނުވިސްނުނު” ޝައިސްތާއަށް ލާއިގާގެ މަޤްޞަދަކީ ކޮބާކަން އޮޅުންނުފިލުމުން ދެވަނަ ފަހަރަށް އަހާލެވުނެވެ. އެއާއިއެކު ލޮލުގެ އިޝާރާތުން އެވާހަކަ އެހަށް ނުދެއްކުމަށް ބުނެ ހިނިތުންވެލައިގެން އިނީ ޒައުލް ނުކުމެގެން ދަންދެނެވެ.
“ޒައުލްއަށް ވެގެންއުޅޭގޮތް ޝައިސްތާއަށްވެސް މިހާރު އެނގިއްޖެހެން މާމައަށް ހީވަނީ، އަދި އެކަމާ މާމަ ނުގަބޫލުކަންވެސް އެނގޭނެކަންނޭގެ….” ލާއިގާ ފާޑަކަށް މޫނު ހަދާލަމުން ބުނެލިއެވެ.
“އެއީ ކޮންއަންހެން ކުއްޖެއްތަ؟ ޒައުލް އެހާވަރުން އޭނަ އާއި ހެދި އެއުޅެނީ ކީއްވެތަ، މާމައަށް އެނގިލައްވާތޯ ޒައުލްއަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެކަން” ޝައިސްތާ ބުނެލިއެވެ.
“ހޫމް، އެނގޭ އެކަން، އަހަންނަށްވެސް ނޭގެ އެއަންހެނާ ޒައުލްއަށް ކުރަނީ ކީއްކަމެއް، ރާއްޖެތެރޭ އަންހެންކުއްޖެއް، ނުވިތާކަށް ދަރިއަކުވެސް ހުރޭ…..ބޯ ހަލާކު، މާމަ އަދިވެސް ބޭނުންވަނީ ތިދެކުދިން ގުޅެން، މާމައަށް އެނގޭ ޝައިސްތާ ޒައުލްއާއި ގުޅެން ރުހޭނެކަން” ލާއިގާ ބުނެލިއެވެ.
“އެކަމަކު….މާމާ، ޒައުލް ބޭނުންވާގޮތް އެނގެއެއްނު، އޭނަ ރޭގަވެސް ބުނި މާމަގެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހޭކަން، އޭނަ ގުޅޭނީ އޭނަ ބޭނުންވާ މީހަކާ، އޭގަ އަޅުގަނޑު ބޭނުންވާގޮތެއް މުހިއްމެއްނޫން” ޝައިސްތާ އިސްޖަހާލަމުން ބުނެލިއެވެ. ޝައިސްތާ އާއި ލާއިގާގެ ވާހަކަ އެންމެ އޮލަވިގަޑީގައި އެތަނަށް މަންސޫރު އައުމުން ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލިއެވެ. އަދި މަންސޫރު އާއި ލާއިގާ އެހެން ވާހަކައެއް ފެށިއެވެ. ޝައިސްތާ ހިނިތުންވެލައިގެން އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިނެވެ.
ޖަމާލު އައިސް ގެއަށްވަނީ އެވަގުތުއެވެ. ލާއިގާ މަންސޫރުގެ ގާތު ޝައިސްތާ ގެއަށް ލާފައި އެބަ އަންނަން ކަމުގައި ބުނެ ތެދުވެގެން ހިނގައިގަތެވެ. ޝައިސްތާވެސް ބަހެއްނުބުނެ ލާއިގާ އާއިއެކު ގެއިން ނުކުތެވެ.
“ޝައިސްތާ، މާބޮޑަށްދެން އެކަމާ ނުވިސްނާ، މާމަ މިކަމަށް ކޮޅެއްފެނޭތޯ ބަލާނަން” ލާއިގާ ގޭޓުން ނުކުންނަމުން ޝައިސްތާގެ ބުރަކަށީގައި ފިރުމާލާފައި ބުނެލިއެވެ. ޝައިސްތާ ބޯޖަހާލާފައި ލާއިގާ އާއިއެކު ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ޖަމާލުއަށް ޝައިސްތާގެ ގެ ހުންނަ ހިސާބު އޮޅުންފިލުވާދޭކަށް ނުޖެހުނެވެ. މީގެ ކުރިންވެސް ޖަމާލު އެތަށް ފަހަރަކު ޝައިސްތާ މެންގެއަށް ގޮސްފައިވާތީއެވެ. ޒައުލް ގޮވައިގެންނެވެ. އެމީހުން ކިޔަވަން އުޅުނު ދުވަސްވަރު ޗުއްޓީއަށް މާލެ އައިސްއުޅޭއިރު ޒައުލް އެގެއަށް ގޮސް ހަދައެވެ. ނަމަވެސް އެދެމީހުންގެ ކޮލެޖު ދުވަސްވަރު ނިމުމާއިއެކު ޝައިސްތާވެސް މާލެ އައުން ހުއްޓާލީއެވެ. ޒައުލް މާލެ އައިސް މުޅިން އައު ރައްޓެހިންތަކަކާއިއެކު އުޅެންފެށީއެވެ.
“ޖަމާލު، އަހަންނަށް އެނގޭ ޒައުލް މިކާރުގަ ދަތުރުކުރާ ތަންތަން، އެކަމަކު އަހަރެން އޮޅުން ފިލުވަން ބޭނުންވަނީ ހަމަ އެންމެ ތަނެއް، އޭނަ އާއިއެކު އެއުޅޭ އަންހެން ކުއްޖާގެ ގެއަށް ދާންވީ…ޖަމާލުއަށް އެނގޭނެ އެގެ، ޒައުލްގެ ޅައުމުރުންފެށިގެން އޭނަގެ ގާތުގައި އުޅޭއިރު އޭނަގެ އެއްވެސް ކަމެއް ޖަމާލަށް ސިއްރެއްނުވާނެ، އަހަރެން ގެންދޭ އެގެއަށް” ޝައިސްތާ އޭނަގެ ގެއަށް ވަނުމަށް ކާރުން ފޭބުމާއިއެކު ލާއިގާ އަމުރުވެރިގޮތަކަށް ބުނެލިއެވެ. ހާސްކަމާއިއެކު ޖަމާލު ކާރުދުއްވާލީ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނައަށް ކަންތައްތައް ވަރަށް ގޯސްވެދާނެކަމުގެ މަލަމަތި މިހާރުވެސް ފެންނަން ފަށައިފިއެވެ. އަދި އަމުދުން ޒައުލްއަށް މިކަންތައްތައް އެނގިއްޖެއްނަމަ ދެންވާނެގޮތަކާއިމެދު އޭނަ މާ ކަންބޮޑުވެއެވެ.
“މަންމީ….ހޯދަން” ޓީވީގެ ރިމޯޓް ހިފައިގެން ދުވަމުން އައިސް ބަދިގެއަށްވަތް ކިޔާން ބުނެލިއެވެ. އޭރު އާދައިގެ މަތިން ޔޫހާ މެންދުރަށް ކައްކަން އުޅެއެވެ. އެގަޑީގަ އޭނަ ހޯދަން އާމުކޮށް އަންނާނީ ޒައުލްއެވެ. އެކަމަކު ކިޔާން އައިގޮތުން އޭނަ ހޯދަން އައީ ޒައުލް ނޫންކަން ޔޫހާއަށް ޔަގީންވިއެވެ. ގާނަން ހުރި ކެރެޓު ތަށީގެތެރޭ ބާއްވާލަމުން ސިންކުގެ ކައިރީ ހުރި ފޮތިގަނޑުން އަތްފޮހެލާފައި ޔޫހާ ސިޓިން ރޫމަށް ނުކުތެވެ.
“މާމާ…” ދެލޯބޮޑުކޮއްލެވުނީ ޔޫހައަށް ލިބުނު ހައިރާންކަމާއިއެކު ގަބޫލުނުކުރެވުމުންނެވެ. އޭނަގެ ކުރިމަތީ ލާއިގާ ހުރިތަންފެނުމުން އިތުރަށް ބުނާނެއެއްޗެއް ނޭގުނެވެ. ގަބުވެފައި ޔޫހާއަށް ހުރެވުނީއެވެ. ދެންވިސްނާ ލެވުނީ އޭނަ އެވަގުތު ހުރިގޮތާއިމެދުގައެވެ. ލައިގެން ހުރި ޓީޝާޓުކޮޅު ބާވެ ކުލަވެއްޓިފައިވިއެއްކަމަކު އަތްހާކާލެވުނީ ރީތިކޮއްލުމަށެވެ.
“މާމާއޭ ކިޔާނެކަމެއްނެތް، ކަލޭވެސް އެހެން މީހުން ކިޔާހެން ލާއިގާ ކިޔާ، އެއީ އަހަރެންގެ ނަމަކީ، އަދަބު އިޙްތިރާމް ކުރުމެއްވެސް ނޯވޭދޯ، ގެއަށް އަންނަ މިހެމާނުންނާމެދު ކަންތައް ކުރަނީ ތިހެންތަ، އަހަރެން މިއައީ ކަލޭ އަތުން އެއްޗެއް ހޯދާކަށްނޫން” ލާއިގާ އެއްއަތުން އަނެއްއަތް ހިފަހައްޓާލަމުން ބޮޑާގޮތަކަށް ޔޫހާއަށް ބަލާލާފައި ބުނެލިއެވެ.
“ދުރުވޭ އެތެރެއަށް….” ޔޫހާ ހާސްވެފައިހުރިވަރުން ރަނގަޅަށް އަޑުވެސް ނުނިކުތެވެ. ލާއިގާ އޭނަ އަރައިގެން ހުރި ފައިވާނާ އެކީ އެތެރެއަށްވަދެގެން އައިސް ސިޓިން ރޫމުގެ މެދެއްހާ ހިސާބުގައި ހުއްޓި ވަށައިގެން ނަޒަރު ހިންގާލިއެވެ. އަދި މަލާމާތުގެ ގޮތަކަށް ލުއިހީނލުމަކުން ހީނލިއެވެ.
“ކިހާވަރެއްތަ ބޭނުންވެގެން ތިއުޅެނީ” ލާއިގާ އޭނަގެ އަތުގައި އޮތް ދަބަސްހުޅުވާލާފައި ޗެކުފޮތެއްނެގިއެވެ.
“މާމާ….” ޔޫހާއަށް ލާއިގާ އައިސް ހުރި ބޭނުން އެނގުނީ ދެނެވެ. ދެންވެސް އޭނައަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ރުޅިއަށްވުރެ ބޮޑަށް އޭނަ ހުރީ ދެރަވެފައެވެ.
“ކިހިނެއްވީ، އަހަރެން މިދެނީ ސޮއެކޮއްފަ އޮތް ހުސްޗެކެއް، ކަލެއާ ކަލޭގެ ދަރިފުޅު އުފަލުގަ އުޅެވޭނެ ވަރަށް މީގަ އަދަދު ޖަހާލަންވީ، އެކަމަކު ބުނަން ޒައުލްގެ ދިރިއުޅުމާ ކުޅެން ނަހަދާ، ކަލޭ ހީކުރީ ޒައުލްގެ ދުލުން ކަލޭގެ ދަރިއަކީ އޭނަގެވެސް ދަރިއެކޭ ބުނުމުން އެކަން އަހަރެން ގަބޫލުކުރާނެކަމައްތަ، އެއަށްވުރެ އަހަރެން މާވިސްނުން ތޫނުވާނެ….ތިކަހަލަ އަންހެނުންގެ ގޮތް އަހަންނަށް އެނގޭތީވެ މިއައީ ކުރީބައިގަ އަދަދު ކަނޑައަޅާ މިކަން ނިންމާލަން” ލާއިގާ ސޮއެކޮއްފައި އޮތް ހުސްޗެކު ޔޫހާއަށް ދިއްކޮއްލަމުން ބުނެލިއެވެ. އެހެންނަމަވެސް ޔޫހާ އެއްވެސް އެއްޗެއް ނުބުނެ ހަރަކާތެއްވެސް ކޮއްނުލާ ހުރިގޮތަށް ހުރީއެވެ. ލާއިގާ ކުއްލިއަކަށް ޔޫހާގެ އަތްތިލާގައި ހިފާ އޭނަގެ އަތުގައި އޮތް ޗެކު ޔޫހާގެ އަތްތިލާގެ ތެރެއަށް ލިއެވެ.
“ޒައުލް އާއި ކައިވެނި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތީ، މިހާރު ދެން ކައިވެނިކުރާކަށްވެސް ނުޖެހޭނެއެއްނު، ބޭނުންވި ގޮތް މިހަދާދިނީ….ޒައުލްއަށް ގުޅާފަ ބުނޭ ދެން އޭނަ ކަލޭ ކައިރިއަށް އައިސްގެން ނުވާނެއޭ، މިވަރުން ނުފުދިއްޖެއްޔާ ކަލޭގެ އުމުރު ހުސްވަންދެންވެސް ފައިސާ ދޭން އަހަރެން މިހުރީ ތައްޔާރަށް، އެކަމަކު ޒައުލްގެ ހިޔަނިހެން ނޫޅެ އޭނަގެ ދިރިއުޅުމުން ހަމަ މިހާރު ދުރަށްދާންވީ، ގުޅާ ޒައުލްއަށް، އަހަރެން ހުއްޓަ ގުޅާ….ގުޅާފަ ބުނޭ ކަލޭ ދެން އޭނަ އާއި ބައްދަލުކުރަން ބޭނުމެއްނުވެޔޭ، ކަލޭ ހޯދަން ދެން ނާންނާށޭ….” ލާއިގާ އަމުރުކުރިއެވެ. ޔޫހާ ހަދާނެގޮތެއްނޭގިފައި ހުންނަން ފެށުމުން ލާއިގާ އޭނަގެ ކޮނޑުގައި އަތްއަޅާކޮއްޕާލަމުން ޒައުލްއަށް ގުޅުމަށް އަމުރުކުރަމުންދިޔައެވެ. ޔޫހާ ލާއިގާއަށް ބަލާލީ ބިރުގެންފައި ހުރިފަދަ ގޮތަކަށެވެ. އަދި މަޑުމަޑުން ކޮޓަރިއަށް ވަދެފައި ނުކުތީ ޒައުލް ޔޫހާއަށް ދިން ފޯނު ހިފައިގެންނެވެ.
“ގުޅާފަ ބުނޭ…” ލާއިގާއަށް ކޮޓަރިން ނުކުތް ޔޫހާގެ އަތުގައި އޮތް ފޯނު ފެނުމުން އަނެއްކާވެސް ބުނެލިއެވެ. އޭނަ ހުރީ ޒައުލްގެ ގާތުގައި އޭނަ ބުނަން ބޭނުންއެއްޗެއް ޔޫހާ ލައްވާ ބުނުވާފަ ނޫނީ އެގެއިން ނުނިކުންނަންށެވެ.
“ހެލޯ…ޔޫހާ…ކިހިނެއްވީ، އަހަރެން ގުޅަންކަމަށް ހުރީ އެކަމަކު އޮފީހަށްވަތްތަނާހެން މުހިއްމު ކަމެއްޖެހިގެން މިއުޅެނީ، ޝާއިން އާއިއެކު މިއުޅެނީ…” ޒައުލް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އޭނަ ހުރީ ޔޫހާ އޭނައަށް ގުޅީމަ ވަރަށް ހިތްހަމަޖެހިލާފައެވެ.
“އަހަރެން ބޭނުމެއްނޫން ޒައުލް އާއި ގުޅޭކަށް، އަހަރެން ހޯދަން ދެން ނާންނާތި….” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.
“ވަޓް….ކީކޭ ޔޫހާ ތިކިޔަނީ، މިހާރު ކޮންކަމަކާ ރުޅި އައީ…މިވަގުތު ވަރަށް ބިޒީ، ސަކަރާތްޖަހާކަހަލަ މޫޑެއްގައެއްނޫން މިހިރީކީ” ޒައުލްއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލެވުނެވެ.
“އަހަރެން މިބުނީނު، ދެން އަހަންނަށް ގުޅައިގެންވެސް ނުވާނެ، ހޯދަން އައިސްގެންވެސް ނުވާނެ، އަހަރެން ޒައުލް އާއި ކައިވެންޏެއްވެސް ނުކުރާނަން” މިހެން ބުނުމާއިއެކު ޔޫހާ ފޯނު ކަނޑާލައިފިއެވެ. ލާއިގާ ހީނލާފައި ޔޫހާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ޔޫހާއަށް އޭނަގެ ފެންވަރަކީ ކޮބާކަން އަދިވެސް އެއްފަހަރު ހަނދާންކޮއްލަދެމުން އެނގެއިން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރި ދޮރުކައިރީ ހުއްޓިލައިގެން ހުރި ކިޔާން ދުވެފައި އައިސް ޔޫހާގެ ފައިގާ އޮޅުލައިގަންނަމުން ލާއިގާ އާއި ބެހޭގޮތުން ސުވާލުކުރިއެވެ. ޔޫހާ އެއްވެސް ޖަވާބެއްނުދީ ކިޔާން ކުޅެން ފޮނުވާލިއެވެ. އަދި ނިތަށް އަރުވާލި ރޫތަކާއިއެކު ދެބުމަ ގޮއްޖަހާލިއެވެ. އަތުގައި އޮތް ފޯނު ރިންގުވީ އެވަގުތުއެވެ. އޭނައަށް މާކުރިންވެސް ޒައުލް އޭނައަށް ގުޅާނެކަން އެނގެއެވެ. ނަމަވެސް ވެފަ ހުރި ފޫއްސެއްގެ ބޮޑުކަމުން ކޮޓަރިއަށްވަދެ އެނދުމައްޗަށް ފޯނު އެއްލާލިއެވެ. އަދި އަތުގައި އޮތް ޗެކަށް ބަލާލާފައި އިރާލަން ހިތަށްއެރިއެވެ. ނަމަވެސް އެހެން ނަހަދާ އެޗެކު ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅިއެއްގެ ދަށަށްލިއެވެ. ދެން ބަދިގޭގައި އޭނަ ކުރަންހުރި މަސައްކަތް ކުރުމުގައި މަސްއޫލުވެއްޖެއެވެ. ހިތާ ހިތާ ލާއިގާ އާއިދިމާލަށް އެތަށް އެއްޗެއް ޔޫހާއަށް ގޮވުނެވެ. އަނެއްކޮޅުން ޒައުލް އަމިއްލައަށް ލާއިގާގެ ގާތުގައި ކިޔާންއަކީ އޭނަގެ ދަރިއެއްކަން ބުނެފިކަންވެސް ޔޫހާއަށް އެނގުނެވެ. އެހެންނަމަވެސް ލާއިގާ އެކަން ގަބޫލު ނުކުރާކަންވެސް ޔޫހާއަށް މިއަދު އެނގިއްޖެއެވެ.
ޒައުލް ކުރަންހުރި މަސައްކަތް ޝާއިން އާއި ހަވާލު ކުރުމަށްފަހު އަވަސްވެގަތީ ޔޫހާގެ ގާތަށް ދިއުމަށެވެ. އޭނަ ޖަމާލުއަށް ގުޅިއެވެ. ޖަމާލުވެސް ފޯނު ބިޒީކޮއްލަނީއެވެ. ކެތްތެރިކަން ކުޑަވެފައިވާ ޒައުލްގެ ގާތަށް ރުޅިއަންނަގޮތްވިއެވެ. ފޯނު ހިފައިގެން އޭނަ ދެކޮޅަށް ހިނގަންފެށިއެވެ. ޖަމާލު އޭނަ ގުޅީމަ ފޯނު ނުނަގަންވީ ސަބަބެއް ނޭގޭތީއެވެ. އެގޮތަށް އެނބުރި އެނބުރި ޒައުލް ހުއްޓާ ޖަމާލުގެ ކޯލު އޭނަގެ ފޯނަށް އައެއެވެ.
ކާރަށް އެރި ޒައުލްގެ މޫނުން ރުޅިވެރިކަން ފެނުމާއިއެކު ޖަމާލު ކަންތައްވީގޮތް ކިޔާދީފިއެވެ. ޖަމާލުގެ ދުލުން ލާއިގާ ޔޫހާ މެންގެއަށް ދިޔަަކަން އަޑުއިވުމުން އޭނަގެ ރުޅިވަކިން ގަދަވިއެވެ. ޔޫހާގެ ފަރާތުން އޭނައަށް ލިބުނު ފޯނުކޯލާ އެގޮތަށް ޔޫހާ ވާހަކަދެއްކީ ކީއްވެކަންވެސް އޭނައަށް މިހާރު ވިސްނިއްޖެއެވެ. އޭނަގެ އަތުގައި އޮތް ފޯނުނަގާ މީހަކަށް ގުޅާލިއެވެ.
“ޝާއިން، އަހަންނަށް ކަމެއްކޮއްދެންވެއްޖެ…..ވަރަށް އަވަހަށް ކޮންމެވެސް ކުއްޖަކު ފޮނުވާލައިގެން ކައިވެނިކުރާ ފޯމެއް ނަގާދީބަލަ، އަހަރެން އޮފީހަށް އެބަދަން، އެފޯމު އަހަންނާ ހަމައަށް ފޮނުވާލަދީ، ވަރަށް އަވަހަށް އެނގޭ” ޒައުލް ޝާއިންއަށް ގުޅާލުމާއިއެކު ބުނެލިއެވެ.
“ޖަމާލު، ކާރު އަނބުރާލާ….ހޮޓެލަށް ދާންވީ” ޒައުލް ޖަމާލުއަށް އެންގިއެވެ.
ޒައުލް އޭނަގެ ކެބިންނަށް ވަދެގެންދިޔަ ގޮތް ފައިލްތަކެއް ހިފައިގެން އެހެން ސްޓާފަކާ ވާހަކަދައްކަންހުރި ޝާއިންއަށް ފެނުނެވެ. އެއާއިއެކު ޝާއިން އަވަސް އަވަހަށް އަތުގައި ހުރި ފައިލްތައް ކައިރީގައި ހުރި ސްޓާފުގެއަތަށް ދީފައި ޒައުލްގެ ކެބިންއަށް އައިސްވަދެއްޖެއެވެ.
“ޒައުލް، އެހާކުއްލިގޮތަކަށް ކައިވެނިކުރާ ފޯމެއް ބޭނުންވީ ކީއްވެގެންތޯ އަހާލެވިދާނެތަ….” ގާޑަންވިއުގެ ގޯތިތެރެ ފެންނަގޮތަށް ހަރުކޮއްފައިވާ ބިއްލޫރި ކުޑަދޮރުގައި އަތްވިތްދާލައިގެން ހުރި ޒައުލްއަށް ޝާއިން ބުނެލިއެވެ. ޝާއިން އެހެން އެހިއިރު އޭނައަށްވެސް ޒައުލް ހިތްހަމަނުޖެހިފަހުރި ވަރު ފެނުނެވެ. ފުރަގަސްދީގެން ހުއްޓެއްކަމަކު ޝާއިންއަށް ބިއްލޫރިގަނޑުން ޒައުލްގެ މޫނުފެނެއެވެ. އެމޫނުމަތީގައިވީ ރުޅިވެރިކަމެވެ.
“އަހަރެން ޔޫހާ އާއި ކައިވެނިކުރަން މިއުޅެނީ، ވީ އެންމެ އަވަހަކާ، ދެން އިތުރަށް އެންމެ ދުވަހެއްވެސް މަޑެއްނުކުރާނަން” ޒައުލް ބުނެލިއެވެ. ޝާއިންއަށް ކޮންމެވެސް ކަމެއްގޯސްވެއްޖެކަން އެނގުނީ ދެނެވެ. އިތުރަށް ޒައުލް އާއި ސުވާލުކުރިއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް އެހެންމީހުންނާ ޚިއްޞާކުރުމަކީ ޒައުލްއަށް އެހާ ފަސޭހަކަމެއްނޫނެވެ. އެހެންނަމަވެސް ޔޫހާ އާއި ޝާއިންގެ ގުޅުންވެސް އޭނައަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ޝާއިންއަށް ކަންތައްތައްވެގެން އުޅޭގޮތް ކިޔާދިނެވެ.
“ޒައުލްގެ ތިނިންމުން ވަރަށް ރަނގަޅު، އަދި ތިނިންމުން ބަދަލުނުކުރާހާ ހިނދަކު އަހަރެން މިހިރީ ޒައުލްއަށް އެހީވެދެން، އަހަންނަށް އެނގޭ ޔޫހާ ޒައުލްގެ ނިންމުމަކާ ދެކޮޅެއް ނުވާނެކަން، ފަހަރެއްގަ ކައިވެނިކުރީމަވެސް ހުރިހާ ކަމެއް ހައްލުވެދާނެކަންނޭގެ، އޭރުން އާއިލާއަށްވެސް ޖެހޭނީ އެކަން ގަބޫލުކުރަން، އެކަމަކު ބުނަން، ޒައުލް ތިވަރުން އުޅެފަ ޔޫހާ ދޫކޮއްނުލައްޗޭ” ޝާއިން ޒައުލްގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.
“އަހަރެން ޔޫހާ އާއި ގުޅެން މިއުޅެނީ އޭނަ ދުވަހަކުވެސް ދޫކޮއްލާކަށް ނޫން، އަހަރެންގެ އުމުރުގަވެސް އަދި މިވަރުގެ ޔަގީން ކަމާއިއެކު ނިންމުމެއް ނުނިންމަން، އަހަރެން މިހިރީ ކޮންމެ ހާލެއްގަވެސް ޔޫހާ އާއި ގުޅެން” ޒައުލް އޭނަގެ ދެޖީބަށް އަތްޖަހާލަމުން ޝާއިން އާއި ދިމާލަށް އެނބުރުނެވެ. އޭރު އޭނަގެ މޫނުމަތިން ކުރިންފެނުނު ހިތްހަމަނުޖެހުމާ ރުޅިވެރިކަމުގެ އިތުރުން އޭނަގެ ބަހުގެ ޔަގީންކަން ހާމަކޮއްދޭ ކަހަލައެވެ.
އައްޔަދު އޮފީހަށް ވަނުމާއިއެކު ފައުޒީ އޭނަގެ ހިޔަނިހެން އައިސް ވިއްދައިފިއެވެ. އެކިއެކި ވާހަކަތަކުން އޭނަގެ ހިޔާލާ ކުޅެންފެށީ އެއީ އޭނައަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްހެންނެވެ.
“އަހަރެން ނުބުނަންތަ ޒައުލްގެ އަސްލު ސިފަ ފެންނާނީ އޭނައަށް އައްޔަދު ޔޫހާ އާއިއެކު ހުއްޓާފެނުމުންނޭ، ނިކަން އޭނަގެ ކުރިމަތީގަ ޔޫހާ ގެނެސް ތިގެއަށް ވައްދަބަލަ….އޭނަ ހީކުރަނީ ޔޫހާއަކީ ހަމައެކަނި އޭނަގެ މީހެއްކަމަށް، އޭ…ކަލޭވެސް މިހާރު އެ ޔޫހާއަށް ހިތްކިޔަންފެށީ ދޯ….އެކަމަކު ބުނަން، އެއީ މީހަކު ކައިރިވާވަރުގެ އަންހެނެއްނޫން، ފައިސާ އޮތިއްޔާ ސެޓުވާނެ، މިހާރު ދެން ތިގެއަށް ގެންދިޔައީމަ އޭނައަށް އެނގިފައެއްނު އޮންނާނީ އައްޔަދުއަކީވެސް ފައިސާ ހުރި މީހެއްކަން، މިހެން ކިޔާތާވެސް މިހާރު ކިހާދުވަހެއްވެއްޖެ…އައްޔަދުގެ ފިނޑިކަމާހުރެ ކަމެއްކުރާކަށް ނުކެރޭވިއްޔަ” ފައުޒީ އައްޔަދުގެ ކޮނޑުގައި އަތްޖަހާލިއެވެ.
“އަހަންނަށް އަދިވެސް ޔޫހާގެ ފަރާތުން ތިބުނާފަދަ ވިޔާނުދާ އެއްވެސް ކަމެއް ނުފެނޭ، އަހަރެން މާ ކައިރިވާން އުޅުނަސް އޭނަ ހުންނާނީ އެކަމާ ހިތްހަމަނުޖެހިފަ….ވެދާނެއެއްނު ޒައުލް އާއި ޔޫހާ އުޅެނީ ހަމަ ސީރިއަސްކޮއް ރައްޓެހިވެގެންކަމަށް” އައްޔަދު ފައުޒީގެ ވާހަކަތައް ގަބޫލުކުރަން ދަތިވާކަން ހާމަކުރިއެވެ.
“އަދިވެސް އައްޔަދު ތިވިސްނަނީ އެދެމީހުންނަށް ރަނގަޅުގޮތަށް ދޯ” ފައުޒީ ބުނެލިއެވެ.
“އަހަންނަށް ޔޫހާއަށްވުރެ މުހިއްމީ ޒައުލް….ޔޫހާ އޭނަ ފެނުނީމަ އުޅުނުގޮތްވެސް އަހަންނަށް މިހިރީ ފެނިފަ، ބައެއްފަހަރުހީވޭ އޭނަ ޔޫހާއަށް މަޖުބޫރުކުރުވަނީއޭ، އޭނަގެ އެހުންނަ ބޮޑުގޮތްގަނޑު ކަނޑުވާލަން އަހަރެން ބޭނުންވަނީ، މީހަކަށް ބަލާލިޔަސް ހީވަނީ އޭނަވަރުގެ މީހަކުނެތްހެން” އައްޔަދު ހިޔާލުތަކަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. ފައުޒީ އައްޔަދުގެ ވާހަކައަށް ހީނލަ ހީނލާއިނެވެ.
މަރާމާތަށް ބަންދުކުރި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން އާފާގު ބޯޑްމީޓިންގައި ވާހަކަދައްކަމުންދިޔައިރު އެތަނުގައި އައްޔަދު އާއިއެކު ފައުޒީވެސް އިނެވެ. އާފާގުއަށް ފައުޒީއަކީ ކޮންކަހަލަ މީހެއްކަން ގާތުން ނޭގުނަސް އޭނަ އައްޔަދުއަށް އިތުބާރުކުރެއެވެ. އޭގެ އިތުރުން ފައުޒީގެ އަތުގައި ހުރި ލިޔެކިޔުންތަކުން އޭނައަކީ ގާބިލު ޒިންމާދާރު މީހެއްކަން ވަޒީފާއަށް ވެއްދުމުގެ ކުރިން އެނގުނެވެ. އަދި އޭގެ ފަހުންވެސް މިއަދާ ހަމައަށްވެސް ފައުޒީގެ ޒިންމާ އަދާކުރުމާއި ގުޅިގެން އާފާގުއަށް އެއްޗެއް ބުނާކަށް ނުޖެހެއެވެ. އޭނަގެ މަސައްކަތަށް ވަރަށް ފަރުވާބަހައްޓައެވެ.
މެންދުރުގެ ކެއުމަށްފަހު ޓެރެސްގެ ސޯފާގައި އީލާކްގެ ރަޙުމަތްތެރިންނާއިއެކު ލާއިގާވެސް އިނެވެ. އޭނަ އެކުދިންގެ ވާހަކަތަކުގައި ބައިވެރި ނުވިޔަސް އެކުދިން ދައްކާ ވާހަކަތަކަށް އޭނަގެ ކަންފަތް ހުޅުވާލެވިފައިވެއެވެ. އީލާކް އާއި ޝުދުފާ އިރުއިރުކޮޅާ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ނަމުން ރޮޒޭން އާއި ދިމާކޮއްލައެވެ. މައިގަނޑު ގޮތެއްގައި ދެކެވެމުންދިޔައީ ރޮޒޭން އޭނަގެ އަމިއްލަ ވިޔަފާރިއެއް ފަށަން އުޅޭ ވާހަކައެވެ. އޭނަ އީލާކުގެ ގާތުން އަލުން ހެނދުން ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އެދެމުންދިޔައެވެ. ޝުދުފާވެސް އެކަމާ އެއްބަސްކިޔައެވެ.
“އަހަރެން އީކްގެ މުޅި ޝޯގަ ބައިވެރިވާނަން، ޕްރޮމިސް، ހިނގާ އަލުން ޝޯއެއް ބާއްވަމާ، މިފަހަރު ކުޑަކުޑަ ޝޯއެއް ބާއްވާނީ، މިހާރު ނަހޫއެއްވެސް ނެތެއްނު، އެކަންތައްމަތިން ހަނދާންނައްތާލާ، އަލުން އާފެށުމަކުން ފަށާނީ، މިފަހަރު އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ….ޕްލީޒް، ބުނެބަލަ އާއެކޭ” ރޮޒޭން އާދޭހާއެކު ބުނެލިއެވެ. އެއްޗެއް ނުބުނަން އިން ލާއިގާވެސް ކިޔަންއިން ނޫސް ތިރިކޮއްލަމުން ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ނަގާ ވާހަކަދެއްކިއެވެ. އީލާކްގެ ގާތު ރޮޒޭންގެ ވާހަކަ ގަބޫލުކުރުމަށް އެދުނެވެ.
މަންސޫރު ޓެރެސްއަށް އަރައިގެން އައީ ކުދިންނާ ލާއިގާ ވާހަކަދައްކަން އިންދައެވެ. މަންސޫރު ފެނުމާއިއެކު ތިންކުދިންވެސް ހިނިތުންވެލާފައި ޓެރެސްއިން ފައިބަން ހިނގައިގަތެވެ. މަންސޫރު ލާއިގާގެ އެއްފަރާތުގައި ވަކިންހުރި ސޯފާގޮނޑީގައި އިށީނެވެ. އަދި ލާއިގާ ބާއްވާލި ނޫސް ނަގާ އެއަށް ނަޒަރު ހިންގާލިއެވެ. ލާއިގާގެ މޫޑު ރަނގަޅުކަން އޭނައިންގޮތުން މަންސޫރަށް ފާހަގަވިއެވެ.
“މަންމާ، އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” މަންސޫރު ހުޅުވާލައިގެން އިން ނޫސްކަރުދާހުގެ މަތިން ލާއިގާއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު ލާއިގާ ހޫންލައްވާލިއެވެ.
“ޒައުލް އާއި ޝައިސްތާ…” މަންސޫރަށް މިހިސާބަށް ބުނެވުނު ކަމެއްނޭގެ ލާއިގާ ވާހަކަދައްކަން ފަށައިފިއެވެ.
“ހޫމް، އެދެކުދިން ކިހާ ގުޅޭ، މަންމަ އެހެންވެގެންނޭ އެދެކުދިންގެ ކައިވެނި ކުރުވަން މިއުޅެނީ….ޒައުލް ކައިވެނި ކުރަންށޭ ކިޔާފަ އެގެނައި އަންހެން ކުއްޖާ އެއްގޮތަކަށްވެސް މަންމައަކަށް ކަމަކު ނުދޭ، ޒައުލްގެ ކައިވެނި ކުރެވޭނީ ހަމައެކަނި ޝައިސްތާ އާއި، ކައިވެނި ކުރީމަ ފަހުން ވިސްނޭނެ މަންމަގެ މިނިންމުމަކީ ކިހާ ރަނގަޅު ނިންމުމެއްކަން” ލާއިގާ ހިނިއައިސްފައި ބުނެލިއެވެ. މިވާހަކަ އަޑުއަހަން އިން މަންސޫރުގެ ތުންފަތުން ފެނުނީ ފަނޑު ހިނިތުންވުމެކެވެ. ހަގީގަތުގައި އޭނަ ބުނަން އުޅުނު އެއްޗަކާ ލާއިގާއަށް ވިސްނުނުގޮތާއި މުޅިން އިދިކޮޅެވެ. މަންސޫރު ލާއިގާގެ ގާތުގައި ބުނަންބޭނުންވީ ޒައުލް އާއި ޝައިސްތާގެ ކައިވެނި ކުރުވަން އުޅުމީ އެންމެ ރަނގަޅު ނިންމުމަށް ވެދާނެބާއެވެ. އެހެންނަމަވެސް އޭނައަށް އެއްކަމެއް އެނގިއްޖެއެވެ. ލާއިގާއަށް އެކަކުގެ ހިޔާލުވެސް ބޭނުންނުވާކަމެވެ. އަނެއްކޮޅުން ޒައުލްއަކީ އޭނަ އާއި ޒަރާނާގެ ދަރިއެއްކަމެވެ. ފެންނަފެނުމަށް މަންސޫރުގެ ގޮތްގަނޑު ޒައުލްގެ ގައިގާ ހުއްޓަސް އޭނަގެ ފަރާތުން މިހާރު އެފެންނަނީ ޒަރާނެގެ ގައިގާ ހުންނަ ކަންތައްތަކެވެ. ތިމާ އާއި އެހެންމީހުންނާ ހުންނަ ފަރަގު ދެނެގަތުން މުހިއްމެއްނޫނެވެ. އެހެންމީހުންގެ އުނިސިފަތަކަށް ފާޑުކިއުމުގެ ބަދަލުގައި އެސިފަތަކާއިއެކު މީހުން ބަލައިގަތުމެވެ. އިތުރަށް ލާއިގާއަށް އެއްޗެއް ބުނަން ހިތަށް އަރާފަވެސް މަންސޫރު ހުއްޓުނެވެ. އޭނަގެ މަންމައަކަށް ނުވިސްނޭނެއޭ ހިތަށްއަރާފައެވެ. މިއަދު ޒައުލްވެސް އެއުޅެނީ އޭނަ ކައިވެނި ކުރިފަދަ ޒަރާނާއެއް އެގެއަށް ގެންނާށެވެ. މާޒީ އަލުން އިޔާދަވާން އުޅޭކަހަލައެވެ. ފިކުރުބޮޑުވެ ރަނގަޅުގޮތަކީ ކޮބައިކަން ނޭނގިފައި މަންސޫރަށް އިނދެވުނެވެ.
ޔޫހާ ގާތުގައި ކިޔާން ބާއްވާލައިގެން އެނދުގައި އޮތްއިރު އޭނަގެ އެއްއަތްވަނީ ނިތުގައި ބާއްވާލެވިފައެވެ. ބޮޑު ފިކުރެއްގައި އޮތްކަން ޔޫހާގެ މޫނުމަތިން ހެކިދެއެވެ. އިރުއިރުކޮޅާ ތުންފިއްތާލުމާއިއެކު ދެލޯމަރާބާރުކޮއްލައެވެ.
އަހަރަށް ސްކޫލްގެ ކިޔެވުން ނިންމާލި ދުވަހަށްވެފައި އަފްލީން ގެއަށް އައީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. އެންމެ ފުރަތަމަވެސް ވަނީ ޔޫހާގެ ކޮޓަރިއަށެވެ. ތަންކޮޅެއް ބާރަށް ޔޫހާއަށް ގޮވާލަމުން ކޮޓަރިއަށްވަތް ގޮތަށް އަވަސް އަވަހަށް މާފަށް އެދެންފެށިއެވެ. އޭނައަށް ޔޫހާގެ ގާތުގައި ނިދާފައިއޮތް ކިޔާން ފެނުނީ ދެނެވެ. ޔޫހާއޭނަގެ ހާސްކަން ފޮރުވާލަމުން ހިނިތުންވެލާފައި ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ. އަދި އެނދުން މަޑުމަޑުން ފައިބަނިކޮށް ދޮރުން އެތެރެއަށް ވަދެހުރި އަފްލީން އޭނަގެ ރިޕޯޓް ފޯމް ނަގާ ދައްކާލިއެވެ. ހެނދުނުގެ ވަގުތުގައި އަފްލީން ސްކޫލަށްދަމުންވެސް މިދަނީ ފޯމުބަލައޭ ބުނި ހަނދާން ޔޫހާވީ ދެނެވެ. ޔޫހާ އަވަސްވެގަތީ އެރިޕޯޓް ފޯމުގައި ހިފާ އޭގައި ލިޔެފައި އޮތްއެއްޗެއް ބަލާލުމަށެވެ.
“ދޮންބެއަށް މިފަހަރު ޝަކުވާކުރާކަށް ނުކެރޭނެ، ކްލާސް ޓޮޕް ހޯދައިގެން މިއައީ” އަފްލީން އުފަލުން ހުރެ ބުނެލިއެވެ. ޔޫހާ އޭނަގެ އަމިއްލަ ހިޔާލުތަކާ ފިކުރު އެއްފަރާތްކޮއްލުމަށްފަހު އަފްލީންގެ އުފަލުގައި ބައިވެރިވިއެވެ. އަދި މަޑުމަޑުން ކޮޓަރީގެ ދޮރުކައިރިކޮއްލަމުން އަފްލީން އާއިއެކު އޭނަގެ ކޮޓަރިއަށް ހިނގައިގަތެވެ. ކުރިއަށްއޮތް ބޮޑު ޗުއްޓީގައި ކުރާނެކަންތައްތައް އަފްލީން ރާވާލިއެވެ. އަދި ރަޙުމަތްތެރިންނާއިއެކު ދަތުރެއް ދިއުމަށް ރާވާފައިވާކަންވެސް އަފްލީން ހާމަކުރިއެވެ. ޔޫހާ ހިނިތުންވެލައިގެން އިނދެ އަފްލީންގެ ވާހަކަތަށް އަޑުއަހަމުންދިޔައެވެ.
“ޔޫހާ، އަހަރެންގެ ދައްތައެއް ހުރިނަމަ ޔޫހާގޮތަށް ދޯ އުޅޭނީ، އަހަރެންގެ ހުރިހާ ކަމެއްގައި އެހީވާނެ ދޯ” ކުއްލިއަކަށް އަފްލީން ބުނެލިއެއްޗަކުން ޔޫހާ ހައިރާންވިއެވެ.
“ކީއްވެތަ ކުއްލިއަކަށް އަފޫ ތިކަހަލަ ވާހަކަދައްކަންތިފެށީ” ޔޫހާއަށް އަހާލެވުނެވެ.
“އަހަންނަށްވެސް އެނގޭ ޔޫހާ އުޅެނީ މެރީ ކުރަންކަން، އަދި މިގެއަށް އަންނަ ޒައުލްއަކީ ކިޔާންގެ ބައްޕަ ނޫންކަންވެސް….އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ، ކިޔާންއަކީ ކޮންކަހަލަ ކުއްޖެއްކަން އަހަންނަށް އެނގޭ، އެހެންނޭ ކިޔާފަ އަހަރެން ޔޫހާދެކެ ފޫއްސެއްނުވޭ، ޔޫހާއަކީ ގޯސްމީހެކޭ ހިތަކަށް ނާރާ…..” އަފްލީން އޭނަގެ އެނދުގައި އިން ޔޫހާގެ ގާތުގައި އިށިންނަމުން ބުނެލިއެވެ. ޔޫހާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ދެލޯ ބޮޑުކޮއްލަމުން އަފްލީންއަށް ބަލާލުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ.
“އިޓްސް އޯކޭ…ޔޫހާ ހާސްނުވެބަލަ، އަހަރެންމީ ކުޑަކުއްޖެއްނޫނޭ، އަށާރައަހަރު ނުފުރުނަސް އަހަންނަށްވެސް ވަށައިގެންވާ ކަންތައްތައް ދެނެގަންނަން އެނގެޔޭ، ދޮންބެސް އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރަން އުޅެނީ، ޔޫހާވެސް ތިއުޅެނީ ހަމައެހެން، އަހަރެންވެސް މީ އާއިލާގެ ޙިއްޞާއެއްނު، އަހަރެން ޔޫހާ ތީ އަހަރެންގެ ދައްތަކަމުގައި ދެކޭއިރު ޔޫހާ އަހަރެންމީ ކޮއްކޮއެއްގެ ގޮތުގައި ނުދެކެންތަ” އަފްލީން ވަރަށް ހަމަޖެހިލައިގެން އިނދެ މަޑުމަޑުން ވާހަކަދެއްކިއެވެ.
“ޝާއިން އަހަރެން މިގެއަށް ގެނައިސުރެން އަހަރެންދެކުނީ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްހާ ގާތްކުއްޖެއްކަމަށް، އަފޫ ކޮންމެ ކަމަކަށް އެދުނަސް އަހަރެން އެކަމެއްކޮއްދޭނީ އުފަލުން ހިތްހެޔޮކަމާއި ލޯތްބާއިއެކު، އެކަމަކު މާޒީގެ ވާހަކަތައް ދައްކާހިތެއް އަހަންނެއްނުވޭ….އެހެންވެ އެކަމުގެ ތެރެއަށް އަފޫ ބައިވެރިނުކުރީ….ދެން ބުނެބަލަ، ކީއްވެތަ ކުއްލިއަކަށް ތިވާހަކަތިފެށީ، އަފޫއަށް ހަގީގަތް އެނގޭކަން އަންގަން ބޭނުންވީތަ” ޔޫހާގެ ހާސްކަން ކުޑަވެ އޭނަވެސް ހަމަޖެހިލިއެވެ. އަފްލީންއަށް އެނގިދާނެތީ އޭނަ ހާސްވެގެން އުޅޭކަށް ދެން ނުޖެހޭނެކަން އެނގޭތީވެސް މެއެވެ. ހީކުރިވަރަށްވުރެ އަފްލީން އޭނަ އާއިމެދު ދެކޭގޮތް ގާތެވެ. އާއިލާގެ މެންބަރެއްގެ ގަދަރު އަފްލީންވަނީ ޔޫހާއަށް ދީފައެވެ.
“ރަނގަޅަށް ތިބުނީ، އަހަންނަށް ހުރިހާކަމެއް އެނގޭކަން އަންގަން ބޭނުންވީ، އެކަމަކު ގޯސްގޮތަކަށް މާނަ ނުނަގައްޗޭ، އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް ޔޫހާ އެވާހަކަތައް އަހަންނަށް ނުކިޔާދީގެން، އެނގޭ ކީއްވެކަން ކިޔާނުދެވުނީވެސް، އަދި އެކަމުގެ ސަބަބުން އަހަރެން ދެކޭގޮތް ބަދަލެއްނުވާކަން، ތީ އަހަރެންގެ ހުރި ހަމައެކަނި ދައްތަ، ދެރަވެގެން މިއުޅެނީ މުޅިން އެހެންކަމަކާ” އަފްލީން ދައްކަން ބޭނުންވެގެން އުޅެނީ ކޮންވާހަކައެއްކަން ޔޫހާއަށް މިހާރު އޮޅިއްޖެއެވެ.
“އަފޫ ބުނަންބޭނުންވެގެން ތިއުޅެނީ ކޮންވާހަކައެއްތަ” ޔޫހާ އަފްލީން އާއި ދިމާލަށް ކުރިއަށްވުރެވެސް ބޮޑަށް އެނބުރިލަމުން ބުނެލިއެވެ.
“އަހަރެން ބޭނުމެއްނޫން ޔޫހާ މިގެއިން ދާކަށް” އަފްލީން ޔޫހާގެ އަތްތިލާގައި ހިފާލަމުން އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު މީހަކު ސަލާމްގޮވާލިއަޑުއިވުނެވެ. ވަކިއެއްޗެއް ނުބުނެވިގެން އުޅުނު ޔޫހާ އަވަސްވެގަތީ ސިޓިންރޫމަށް ނުކުތުމަށެވެ.
“ޔޫހާ…” ޔޫހާ ފެނުމާއިއެކުޒައުލް އޭނައަށް ގޮވާލަމުން އެތެރެއަށް ވަދެގެން އަތުވެއްޖެއެވެ. ޔޫހާއަށް ޒައުލްގެ މޫނުމަތިން ތަފާތުކަމެއް ފާހަގަކުރެވުމުގެ އިތުރުން އޭނަގެ ހަރަކާތްތައްވެސް ހުރީ އަވަސްވެފައިކަންވެސް ފާހަގަވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހުރިފިޔަވަޅުމަތީ ހުރީ ލާއިގާ ކަންތައްކުރިގޮތް ހަނދާންވުމުންނެވެ. ޒައުލް އާއިއެކު އެއްފަރާތެއްގައި ނިވާވެފައި ހުރި މީހާ ޔޫހާއަށް ފެނުނީ ދެނެވެ. މީގެކުރިން ދުވަހަކުވެސް ޔޫހާ ދެކިފައިނުވާ އެޒުވާނާ ޒައުލް އާއިއެކު އޭނަގެ ފަހަތުން އެގޭތެރެއަށް ވަނެވެ.
“މިއައީ ކައިވެނީގެ ފޯމު ފުރަން…” ޒައުލް ޖެހިލުމެއްނެތި ބުނެލިއެވެ. ޔޫހާއަށް ލިބުނު ސިހުމާއިއެކު އެއްޗެއް ބުނަން އުޅެފަވެސް ދެންހުރި ޒުވާނާ އާއި ދިމާލަށް ބަލާލެވުނެވެ. އަދި ޔޫހާ ޒައުލްގެ އަތުގައި ހިފާ އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
“ކީއްވެ ކައިވެނި ފޯމް ހިފައިގެން ތިއައީ، އަހަންނަށް އެނގޭ ޒައުލްގެ އާއިލާ ގަބޫލެއްނޫންކަން މިކައިވެންޏަކަށް، އާއިލާގެ ނުގަބޫލުގަ ކުރަނީތަ” ޔޫހާ ކޮޓަރީގެ ދޮރުލެއްޕުމާއިއެކު ޒައުލްއަށް ކުރިމަތިލަމުން ބުނެލިއެވެ.
“ކައިވެނި ކުރަން ފޯމު ނަގާފަ ތިއޮތީ، އާއިލާ ގަބޫލުތޯ ބެލުން މިހާރު އަހަންނަށް މުހިއްމެއްނޫން….ބޭރުގަ އެއިނީ ފަރުހާދު އޭނަ ފޯމް ފުރާނީ، ޔޫހާގެ އައިޑީ ކާޑާ ކިޔާންގެ މައުލޫމާތު ހުރި ލިޔުންތައްވެސް ހިފައިގެން އާދޭ” ޒައުލްގެ އަޑުގައި ހުރީ ހަރުކަށި އަމުރުވެރިގޮތެވެ.
“ޒައުލް…” ޔޫހާއަށް ދެންވެސް ފަސްޖެހެވުނެވެ.
“އަހަންނަށް އެނގޭ މިއަދު މާމަ އައިކަން، އަދި ރަނގަޅު ވާހަކައެއް ނުދައްކާނެކަންވެސް…” ޒައުލް ނުކުންނަން އުޅެފަވެސް ޔޫހާ ގޮވާލުމާއިއެކު އެނބުރި ވާހަކަދައްކަންފެށިއެވެ.
“ޒައުލްއަށް ކިހިނެއްތަ އެނގެނީ މާމަދެއްކީ ރަނގަޅުވާހަކައެއްނޫންކަން” ޔޫހާ ބުނެލިއެވެ.
“އަހަންނަށް އަންގާލުމެއްނެތި ޖަމާލު ގާތުން ޔޫހާގެ ގެ އޮޅުން ފިލުވައިގެން އައުމުގެ ބޭނުމަކީ ކޮބާ، މާމަ ޔޫހާ އާއި ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންނަމަ އަހަންޖެހޭނީ އަހަރެންގެ ކައިރިން، އަހަރެންގެ ގާތުގައި އުޅޭ ނޯކަރުން ކައިރިއަކު ނޫން، އެހެންނޫނަސް މާމަ ނުޖެހޭނެ ޖަމާލަށް މަޖުބޫރުކުރާކަށް އަހަރެން އުޅޭގޮތް އޮޅުންފިލުވަން…ޔޫހާ ތިހެން ބުނީތީވެސް އަހަރެން މިހާރު މާމަ މިގެއަށް އައި ބޭނުމެއް އޮޅުން ފިލުވަން ބޭނުން، ބުނޭ…މާމަ އައީ ކީއްކުރަންށޯ، ޔޫހާއަށް މިފަހަރުވެސް އެއްޗެހިކީތަ” ޒައުލް ހުރީ ވަރަށް ރުޅިއައިސްފަކަން ޔޫހާއަށް އެނގުނެވެ. އިތުރަށް ޒައުލްގެ ރުޅި ގަދަވާނޭފަދަ އެއްޗެއް ބުނާކަށް ޔޫހާ ބޭނުމެއްނުވިއެވެ. އެހެންވެ އިސްޖަހާލެވުނީއެވެ.
“ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ، ޔޫހާ…ކިޔާދީބަލަ، ނޫނީ ހިނގާ އަހަންނާއިއެކު ކައިވެނީގެ ފޯމް ފުރަން….ޔޫހާ ބޭނުންނަމަ އަހަރެން މިކައިވެނި ރާއްޖޭން ބޭރުގަވެސް ކޮއްފާނަން، ބުނެބަލަ، އެހެންވެތަ ތިފަސްޖެހެނީ…އަނެއްކާ…ޔޫހާގެ ހިޔާލު ބަދަލުވީތަ” ޔޫހާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޒައުލްއަށް ކުއްލިއަކަށް ޔޫހާގެ މުލައްދަނޑީގައި ހިފާކައިރި ކޮއްލެވުނެވެ. އަދި ޔޫހާއަށް ތަދުވެގެން މޫނުހަދާލާފަދަ ގޮތަކަށް ހަދާލުމުން ވަގުތުން އެއަތުން ޒައުލް ދޫކޮއްލައިފިއެވެ. އެހިނދު ޔޫހާ ރީތިވާ މޭޒުގެ ކައިރިއަށް ދިޔައެވެ. ސެންޓުފުޅިއެއްގެ ދަށުގައި އޮތް ހުސްޗެކު ހިފައިގެން އައިސް ޒައުލްއަށް ދިއްކޮއްލިއެވެ.
“މީ ކީއްކުރަން…” ޒައުލް ޔޫހާގެ އަތުން އެޗެކު އަތުލަމުން ބުނެލިއެވެ.
‘ތީ ޒައުލްގެ މާމަ ދިން އެއްޗެއް، ހުސް ޗެކެއް….އަހަރެން ބޭނުން އަދަދެއް ޖަހަން….ޗެކުގައި ލިޔެވޭވަރުގެ ބޮޑު އަދަދެއްޖަހައި، އެވަރުންވެސް އަހަންނަށް ނުފުދިއްޖެނަމަ އަހަރެންގެ މުޅި އުމުރުދުވަހު ހަރަދުކުރާނަންކަމަށް ބުނި…” ޔޫހާ މިހެން ބުނެލިއިރު ޒައުލް އޭނަގެ އަތުގައި އޮތް ޗެކަށް ބަލަނީއެވެ. ޒައުލްއަށް އެއީ މަންސޫރު ކޯގެ ޗެކެއްކަން ވަގުތުން އެނގުނެވެ. އަދިވެސް ޗެކުތަކުގައި ސޮއެކުރުމުގެ ބާރު ލާއިގާއަށް ލިބިފައިވާކަން ޒައުލްއަށް އެނގެއެވެ. އޭނައަށް ޔޫހާއަށް ބަލާލެވުނުގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ޔޫހާ ޒައުލްއަށް ގޮވާލުމުންވެސް އަނގަޔަކުން ނުބުންޏެވެ. ޒައުލްއަށް ބުނާނެއެއްޗެއް ނޭނގި ބަސްހުއްޓުނީއެވެ. އޭނަގެ ލޯބިވާ މާމަގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށްފެންވަރެއްގެ ޢަމަލެއްކަމުގައި އޭނަދެކުނެވެ. އަދި ހިތުން ލާއިގާ އާއިމެދު ޝަކުވާކުރެވުނެވެ. ކުޑައިރުއްސުރެ އޭނަގެ އެންމެ ގާތް މީހެއްގެ ގޮތުގައި ހުރެ އޭނަގެ އުފާތަށް ފޭރިގަންނަން މަސައްކަތްކުރާތީއެވެ.
“އަހަރެން ކައިވެނި ކުރާނަން، ބޭރަށް ދިއުން މުހިއްމެއްނޫން، ޒައުލް ބޭނުންގޮތެއް….ޒައުލް…އަހަރެން ކައިވެނި ކުރާނަމޭ…” ޔޫހާއަށް ޒައުލްގެ މޫނުމަތީގައިވި ރުޅި ފިލާގޮސް އެމޫނު ހުދުވެގެންދިޔަ މަންޒަރު ފެނުމާއިއެކު ބުނެލެވުނެވެ. ލާއިގާގެ ސަބަބުން ޒައުލްގެ ހިތަށް ތަދުވެއްޖެކަން ޔޫހާއަށް އެނގުނެވެ. ޔޫހާ ޒައުލްގެ އަތުގައި ހިފާލަމުން ގާތްވެލިއެވެ. ޒައުލް ދެފަރާތަށް ބޯހޫރުވާލާފައި އަތުގައި އޮތް ޗެކު ޔޫހާއަށް ދައްކާލަމުން އެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ނުބުންޏެވެ. ދެންވެސް އަތުގައި އޮތް ޗެކަށް އޭނަ ބަލާލިއެވެ. ލާއިގާ އެހެން ހަދާފާނެކަމަށް ގަބޫލުކުރަން ދަތިވެގެންނެވެ. ޒައުލް އެޗެކު މެދުން ފަތްޖަހާލަމުން ފަޓުލޫނުގެ ޖީބަށް ލާފައި ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. ޔޫހާ އޭނަގެ އައިޑީކާޑާ އެހެނިހެން ލިޔުންތައް ހިފައިގެން އަވަސް އަވަހަށް ޒައުލްގެ ފަހަތުން ނުކުތެވެ.
“ދާންވީތޯ” ޒައުލް ކޮޓަރިން ނުކުތްގޮތް ފެނުމުން އަވަސް އަވަހަށް ސޯފާއިން ތެދުވެ ފަރުހާދު އަހާލިއެވެ.
“ނޫން، ކުރިއަށްގެންދަންވީ” ޒައުލް އޭނަގެ ދާދިގަތުގައި ހުރި ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު ފަރުހާދު ފޯމު ފުރަންފެށިއެވެ. އޭނައަށް އެފޯމް ފުރަމުންދިޔައިރު ކުރެވުނު ސުވާލަކަށް ޒައުލްގެ ފަރާތުން ލިބުނު ޖަވާބުން ކުއްލި ހައިރާންކަމެއް ލިބިގެންދިޔައެވެ. ނަމަވެސް ޒައުލް އާއި ސުވާލުކުރާކަށް ނުކެރުނެވެ. ޔޫހާގެ ދަރިއަކު ހުރެފަ އޭނަގެ އަލަތު ކައިވެންޏަށް އެކައިވެނި ވާނެގޮތެއް އޭނައަށް ނުވިސްނުނެވެ. ޔޫހާ ދެއަތްދެއަތާ މޮޑެމުންދިޔައީ ނޭވާ ހިފަައްޓާލައިގެން އިނދެއެވެ. މިހިސާބަށް ކަންތައްދިޔައިރުވެސް އޭނަގެ އާއިލާގެ އެކަކަށްވެސް ނޭނގެއެވެ. ޔޫހާ ބުނަން ބޭނުންނުވަނީކީ ނޫނެވެ. އޭނައަށް ޝަފަގާއި މަންމަ އާއި ދެމީހުންނާއިމެދު އެވަގުތު ވިސްނެމުންދިޔައެވެ. ޔޫހާ ކައިވެނި ކުރާކަން އެނގިއްޖެއްޔާ އެމީހުން ބުނާނީ ކީކޭބާއޭ އޭނަގެ ހިތަށްއަރަމުންދިޔައެވެ. ޔަގީނުންވެސް އޭނަގެ ދައްތަ ޝަފަގު ހުންނާނީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ޔޫހާގެ މަންމަ ދެކޭނެގޮތެއް ނޭނގެއެވެ.
ފޯމު ފުރުމުގެ ކަންތައް ކުރިއަށްދަނިކޮށް އެތަނަށް އަފްލީން ނުކުތެވެ. އޭނަވެސް ހުރީ ވާނުވާނޭނގިފައެވެ. ޔޫހާ އިށީދެނގެން އިން ގޮނޑީގެ ފަހަތުގައި ހުއްޓިލައިގެން ހުރެ ޒައުލް އާއި ފަރުހާދުގެ މޫނަށް ބަލަމުން އެމީހުން ދައްކާ ވާހަކަތައް އަޑުއަހަމުންދިޔައެވެ.
“ދޮންބެ ނެތިސް ހުރިހާކަމެއް ނިންމާލަނީތަ” އަފްލީން ޔޫހާގެ ކޮނޑުގައި ހިފާލަމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ޝާއިން އެބަ އާދޭ….” ޒައުލް އަވަސް އަވަހަށް އަފްލީންއަށް ޖަވާބުދިނެވެ. އެއާއިއެކު ޔޫހާއަށްވެސް ޒައުލްއަށް ބަލާލެވުނެވެ. ޝާއިންއަށް ޒައުލް ކައިވެނި ފޯމު ހިފައިގެން އައިކަން އެނގޭބާއޭ އޭނަގެ ހިތަށްއެރިއެވެ. ސުވާލުން ފުރިގެންވި ނަޒަރަކުން ޔޫހާ ޒައުލްއަށް ބަލަހައްޓައިގެން އިންނަންފެށުމުން އޭނަ ޔޫހާގެ ސުވާލަށްވެސް ޖަވާބުދިނެވެ.
“ޝާއިން ގާތުގަ އަހަރެން އެހިން، ޔޫހާ މައްސަލައެއްނެތިއްޔާ އޭނަގެ އެއްވެސް މައްސަލައެއްނެތް” ޒައުލް ބުނެލިއެވެ.
އޭގެ އިރުކޮޅެއްފަހެވެ. ފޯމު ފުރަން އިން ފަރުހާދު ޔޫހާއަށް ބަލާލަމުން ކައިވެނީގެ ރަނެއްކަމުގައި އަދަދެއް ކަނޑައެޅުމަށް ބުންޏެވެ. ހަމައެވަގުތު ޝާއިންވެސް އައިސް ސިޓިންރޫމަށް ވަންނަނީއެވެ. ޔޫހާގެ ހަތަރެސްފައި ފިނިވެފައިވެއެވެ. އަދި އޭނައަށް ފަރުހާދުއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
“ނިމުނީތަ…” ޝާއިން އަވަސް އަވަހަށް އައިސް ސޯފާގައި ޒައުލްގެ ގާތު އިށީންނަމުން އަހާލިއެވެ. ޒައުލް ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ. ފަރުހާދު ދެވަނަ ފަހަރަށްވެސް ކައިވެނީގެ ރަންކިއުމަށް އެދުނެވެ. ޔޫހާއަށް ހިންދިރުވާލުމާއިއެކު ޒައުލް އަށާއި ޝާއިންއަށް ބަލާލެވުނެވެ.
“ޔޫހާ….ބުނެބަލަ….” ޒައުލް ބުނެލިއެވެ. އަދި ޝާއިންވެސް ލޮލުގެ އިޝާރާތުން ބުނާށޭ ބުނާފަދަގޮތެއް އިޝާރާތް ކޮއްލިއެވެ. ޔޫހާގެ ފަހަތުގައި ހުރި އަފްލީން ގުދުވެލާފައި ޔޫހާގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން އެއްޗެއް ބުނެލިއެވެ. އެއާއިއެކު ޔޫހާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. ލާނެތްގޮތަކަށް ހިނިއައިސްފައި އަފްލީން ޒައުލްއަށް ބަލާލިއެވެ.
“ކިތަންމެ ބޮޑު އަގެއް ކިޔަސް އަހަންނެއް ނުސިހޭނެ” ޒައުލްވެސް ހިނިއައިސްފައި އަފްލީންއަށް ބަލާލަމުން ބުނެލިއެވެ. އެންމެންވެސް ތިބީ ޔޫހާ ބުނާނެ އަދަދެއްގެ އިންތިޒާރުގައެވެ. ނަމަވެސް ހާސްކަންވެރިވަމުންދިޔަ ޔޫހާ ދާހިއްލަން ފަށައިފިއެވެ. ސިކުނޑިން ވިސްނަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. ޒައުލްއަށް ޔޫހާގެ ހާސްކަން ނަގައިގަނެވުނީ ކަންނޭގެއެވެ. އޭނަ ތެދުވެގެން އައިސް ޔޫހާގެ ގާތުގައި ހުއްޓި ތިރިވެލަމުން ޔޫހާއާއި އެއްހަމައެއްގައި ކުޑަކަކޫ ޖަހާލާފަދަ ގޮތަކަށް އިށީނެވެ. އަދި ޔޫހާގެ އަތްތިލާގައި ހިފާލަމުން ޔޫހާ ކޮންމެ އަދަދެއް ބުނިކަމުގައި ވިޔަސް އޭނައަށް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އެހެންވީމަ ކޮންމެވެސް އަދަދެއް ބުނެދިނުމަށް ޒައުލް އެދުނެވެ. ޔޫހާ ޒައުލްގެ އަތްތިލާގައި ހިފާ ބާރުކޮއްލުމާއިއެކު ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އެކަމަކު އެކަކަށްވެސް އޭނަ ބުނީ ކީކޭކަމެއް ސާފުވާވަރެއްނުވިއެވެ. ހާސްވެފައިންވަރުން ޔޫހާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. ޒައުލް އޭނަގެ އެހާ ގާތުގައި އިންއިރު އޭނައަށްވެސް އަޑުނީވުނީ އެހެންވެއެވެ. ޔޫހާ މަޑުމަޑުން ކަރުކެހިލުމަށްފަހު ކައިވެނީގެ ރަން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. ޒައުލް ހިނިއައިސްގެން ގޮސް ހީވީ ޔޫހާގެ ގައިގާ އޮޅުލައިގަނެދާނެހެންނެވެ.
“ހަތްސަތޭކަތިރީސްތިންރުފިޔާ….” ޒައުލް ފަރުހާދަށް ބަލާލަމުން ޔޫހާބުނި އަދަދު ތަކުރާރުކޮއްލިއެވެ. އެންމެންގެ ތެރޭ ޒައުލް ޔޫހާގެ ދެއަތްތިލާގައި ހިފާ އުފުލާލުމާއިއެކު އެދެއަތްތިލާގައި ބޮސްދީފިއެވެ. ޒައުލްއަށް އައިސްފަ ހުރި ބަދަލު ޔޫހާއަށް ވިސްނައިގަންނަން އުނދަގޫވިއެވެ. އެހެންނަމަވެސް އޭނަގެ މޫނުމަތިން އުފާވެރިކަމާއިއެކު ހިނިތުންވާތަން ފެނުމުން ޔޫހާގެ ހިތަށްވެސް ހަމަޖެހުން ލިބިގެންދިޔައެވެ. ފަރުހާދު ފޯމުގެ ހުރިހާ ކަމެއް ނިންމާލިއެވެ. އަދި ފައިލްގެ ތެރެއިން އިތުރު ދެފޯމެއްނަގާ ޒައުލްއަށް ދިއްކޮއްލިއެވެ.
“ތިވެސް ފުރާލާ، ބޭނުންވާ މައުލޫމާތު ލިބެން އެބަހުއްޓެއްނު” ޒައުލް ބުނެލިއެވެ.
“އެއީ ކޮން ފޯމެއް….” ޔޫހާ މަޑުމަޑުން ޒައުލްގެ ގާތު އަހާލިއެވެ.
“އެއީ އަހަރެންގެ ދަރިފުޅަށް ލިބެންޖެހޭ ހައްޤު، ދެން ޔޫހާއަށް އަހަރެންދޭ ހަދިޔާއެއް….ފަހުން ބުނާނަން” އިތުރަށް ޔޫހާ އޮޅުން ފިލުވަން އުޅޭނެކަން ޒައުލްއަށް އެނގޭތީވެ ބުނެލިއެވެ. ޝާއިން ހިނިއައިސްފައި ޔޫހާއަށް ބަލަންއިނެވެ. އޭރު އޭނަގެ ގާތުގައި އަފްލީން ގޮސް އިށީނދެއްޖެއެވެ.
ފަރުހާދު ފޯމުތައް ފުރާ ނިމުމާއިއެކު ލިޔެކިޔުންތަކުގެ ޕޮޓޯ ކޮޕީ ނެގުމަށް ބޭނުންވާނެކަމަށް ބުންޏެވެ. އެހެންވެ ޒައުލް އުޅުނީ ހުރިހާ އެއްޗެއް ފަރުހާދުގެ އަތަށްދީފައި ފޮނުވާލާށެވެ. ނަމަވެސް ޔޫހާއަށް އެގޮތެއް ކަމަކު ނުދިޔައެވެ.
“ގެނޭ އަހަރެން އައިސްދާނަން ކޮޕީ ނަގާލައިގެން، މިތާ ކައިރީގަ ހުންނާނެ ފޮޓޯކޮޕީ ނަގާތަނެއް” ޔޫހާ ބުނެލިއެވެ. އެއާއިއެކު އަފްލީންވެސް އެކަމަށް އެއްބަސްވެ އެއީ ތެދެއްކަމުގައި ބުންޏެވެ. ޒައުލް ބޯޖަހާލަމުން އެއްބަސްވީ ޔޫހާ ހިތްހަމަޖެހޭގޮތަށް ކަންތައްތައް ކުރުމަށެވެ. ޔޫހާ އޭނަ ބޭނުންވިގޮތަށް އެކަންކުރިއެވެ. އަދި ފަރުހާދު ފޯމަށް ބޭނުންވާ ހުރިހާއެއްޗެއް ހަމަވުމާއިއެކު އެގެއިން ނުކުތުމަށް ޒައުލްގެ ގާތުން އެދުނެވެ.
“އަހަރެން ފަހުން ގުޅާނަން، އިރުއޮއްސޭކަންހާއިރު….ނޫނީ އަންނާނަން އެނގޭ، ދެން ދަނީ” ޒައުލް ޔޫހާގެ އަތަށް ފިތާލަމުން މިހެން ބުނެ ފަރުހާދު އާއިއެކު އެނގެއިން ނުކުތުމަށް ހިނގައިގަތެވެ. އަދި ދަމުން ޝާއިން ގާތު ނާންނާނަންތޯ ސުވާލުކުރިއެވެ.
“މެންދުރު ގެއަށް އާދެވުނީތީ ދެންދާނީ ގޭން ކާލައިގެން، ޒައުލް ބިޒީ ނޫނިއްޔާ އަހަރުމެންނާއިއެކު ބައިވެރިވާންވީނު” ޝާއިން ދައުވަތުދިނެވެ. ޒައުލް ހުރީ އެހެން ނުބުނެގެންނެވެ. އަވަސް އަވަހަށް ޖަމާލުއަށް ގުޅާލާފައި ފަރުހާދު ދާން ބޭނުންވާ ތަންތަނަށް އޭނަގެ ކާރުގައި ގެންގޮސްދިނުމަށް ބުންޏެވެ. އަދި ފަރުހާދުއަށް ދެން ކަންތައްތައް ކުރަންވީގޮތް ކިޔާދިނުމަށްފަހު އަނެއްކާވެސް ޒައުލް ސިޓިން ރޫމަށްވަނެވެ.
ޔޫހާ އޭނަގެ އަތުގައި ހުރި ލިޔެކިޔުންތައް ކޮޓަރިއަށްލާފައި ކާންތައްޔާރު ކުރުމަށް އަވަސްވެގަތެވެ. އަފްލީންގެ އެދުމަށް އެދުވަހު މެންދުރަށް ޔޫހާ ހެދީ ސްޕެގެޓީއެވެ. ކާމޭޒުމަތީ ތަށިތައް އަތުރަމުންދިޔައިރު އޭނަގެ ސިކުނޑީގައިވަނީ ސުވާލެއް އުފެދިފައެވެ. އެއީ ޒައުލް އާއިއެކު އޭނައަށް ބޭނުންވިފަދަ ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެބާއެވެ. މިކަހަލަ ފިކުރެއްގައި ހުރެ ޔޫހާ ކާންތައްޔާރު ކުރަމުންދިޔައިރު އޭނައަށް އެހީވުމުގައި އަފްލީންވެސް ބަދިގޭގައި އުޅެއެވެ.
“ޔޫހާ…ހާދަ އަންރޮމޭންޓިކް މީހެކޭ ޒައުލްއަކީ، އޭނަ ހީވީ ބިޒްނަސް ޑީލްއެއް ޔޫހާ އާއިއެކު ނިންމާލިހެން” އަފްލީން ބިއްލޫރިތަށިތައް އަތުރަމުންބުނެލިއެވެ.
“ސާބަސް، އަފޫއަށް ކިހިނެއްތަ އެނގެނީ ރޮމޭންޓިކް ނޫންކަމެއް، އަނެއްކާ އަފޫ ކުއްޖަކާ ރައްޓެހިވީތަ” އަފްލީންގެ ވާހަކައިން ހިނިއައިސްފައި ހުރެ ޔޫހާ ބުނެލިއެވެ.
“ކަމުދާކަހަލަ ފިރިހެން ކުއްޖެއް މުޅި ސްކޫލުންވެސް ނުފެނުނު، އެހެންނޫނަސް އަހަންނަށްވެސް އެނގޭ ރޮމޭންޓިކްކޮށް މީހަކު ކަމެއްކޮއްފިއްޔާ” އަފްލީން މޫނަށްވައްތަރެއްޖައްސާލަމުން ބުނެލިއެވެ. ދެންވެސް ޔޫހާ ހީނލީއެވެ.
ޔޫހާގެ ކެއްކުމަށް އެއްވެސް ފާޑުކިއުމެއްނެތި މެންދުރުގެ ކެއުން ނިމިއްޖެއެވެ. އެހުރިހާއިރު ޔޫހާ ހުރީ ޒައުލް އާއި ލޮލާލޯ އަމާޒުކޮއްލަން ޖެހިލުންވެފައެވެ. އެދެމެދަށް ހުރަސްއަޅަމުންދިޔައީ ޔޫހާގެ ލަދުވެތިކަމެވެ. ކައިވެންޏަކީ ކޮބާކަން އަދި އެއީ ކިހާ މަތިވެރި ގުޅުމެއްކަން ޔޫހާއަށް އެނގެއެވެ. ޒައުލްގެ އާއިލާގައި ލާއިގާގެ މަގާމަކީ ކޮބާކަންވެސް ޔޫހާއަށް އެނގެއެވެ. އެހެންނަމަވެސް އޭނަ ހުރީ ޒައުލްގެ ނިންމުމާއިމެދު ހިތްހަމަޖެހިފައެވެ. އޭނަގެ އާއިލާ އާއިދެކޮޅުވުމަކުންނޫނެވެ. ޔޫހާ އާއި ކައިވެނިކުރުމަށް ނިންމި ނިންމުމާއިމެދުއެވެ. ދުނިޔޭގެ ބެލުންތަކާއި އެދުނިޔެ އޭނައަށް ކިޔާނެ ލަދުބަސްތަކަށް ބީރުކަންފަތެއް ދިނުމުންނެވެ. ހިތުގައި ޒައުލްއަށްޓަކައި އެތަށްއަހަރެއްވަންދެން ޖަހަމުންދިޔަ ވިންދުގެ އަޑުބާރުވެ ކުރިއަށްވުރެވެސް އަވަސްވިކަހަލައެވެ. ޒައުލް އާއި ޝާއިން ނުކުމެގެން ދިޔަ ދޮރާއި ދިމާލަށް އެނބުރި ހުރި ޔޫހާއަށް ހިލަމެއްވީ ހޭލައިގެން އައި ކިޔާން އޭނަގެ އަތުގައި ހިފާދަމާލުމުންނެވެ.
ހަވީރުގެ ވަގުތެވެ. ޔޫހާ ކިޔާން ގޮވައިގެން ސްކޫލުން ނުކުންނަނީއެވެ. މިއަދަކީ ސްކޫލް ކުދިންގެ ފޯމުދިންދުވަހެވެ. ކިޔާން ގަބޫލުކުރާގޮތުގައި އޭނައަށްވެސް ލިބުނީ އޭރިޕޯޓެކެވެ. އެންމެ މަތީ ދަރަޖައިގައި އޭނަވެސް ވަނީ ފާސްވެފައެވެ. އެހެންވެ އާދައިގެ މަތިން ޔޫހާއަށް އޭނަ ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސް އައިސްކްރީމް ދޭން ޖެހުނެވެ. ކޮންމެ އޭރިޕޯޓަކާއިއެކު ކިޔާންއަށް ލިބޭ އެންމެ ފުރަތަމަ ހަދިޔާއަކީ އެއީއެވެ. ދެމައިން ގެއަށް އައިސް ވަދެވުމާއިއެކު ކިޔާން ޔޫހާގެ އަތުގައި އޮތް ރިޕޯޓް ފޯމް ސޯފާގައި އޮތް އަފްލީންއަށް ދެއްކިއެވެ. އަފްލީންވެސް ކިޔާންގެ ހިތްހަމަޖެހޭވަރަށް ތައުރީފުކުރިއެވެ. ހަމައެއާއިއެކު ކިޔާންއާއި ދިމާކޮށް ރުޅިއަރުވާލަންވެސް އަފްލީން މަސައްކަތްކުރިއެވެ. ޔޫހާ ކިޔާން ރީތިކޮއްލައިގެން ގެއިން ނުކުތީ އަފްލީން އާއިވެސް އެކުގައެވެ.
ތިންމީހުން މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓަކަށް އައިސްވަނެވެ. އަތުރާލާފައި ހުރި މޭޒުތަކުން އެއްފަރާތު ކަނެއްގައި ހުރި މޭޒަކަށް އަފްލީން އިޝާރާތްކޮއްލުމާއިއެކު އެތަނުގައި އިށިންނަން ޔޫހާ ހިނގައިގަތެވެ. މުޅިތަން ފެންނަނީ ހުސްކޮށެވެ. ގިނަބައެއްގެ ދޫތަކުން އެތަނުގެ ނަންކިޔޭއިރު އެފަދަ ހަމަހިމޭންކަމެއް ތަނަށްވެރިވެފައި އޮތުމަކީ އާމުކަމެއްނޫންކަން ޔޫހާއަށް އެނގެއެވެ. އުފާވެރި ވަގުތުކޮޅެއް ޔޫހާ އޭނަގެ އާއިލާ އާއިއެކު ހޭދަކުރަމުންދިޔައެވެ.
“ޔޫހާ، ޒައުލް އާއި މެރީކޮއްގެން އޭނަގެ ގެއަށް ނުދައްޗޭ، އޭރުން އަހަރެން ވަރަށް ފޫހިވާނެ، ގޭގަ މީރު ކާއެއްޗެއް ހަދާދޭނެ މީހަކުވެސް ނުހުންނާނެ…” އަފްލީން ވާހަކަދެއްކިއެވެ.
“ދޮންބެ ކައިރީ ބުނާނީ ކައްކާ މީހަކު ހޯދަން، އޭރުން ރަނގަޅުވާނެއެއްނު” ޔޫހާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
“ދެން ޔޫހާ، ޕްލީޒް، ކައްކާ މީހަކު ނުލިބިގެންނެއްނޫނޭ މިއުޅެނީ، ވާހަކައެއް ބުނަންތަ، މީ ސިއްރެއް އެނގޭ….އަހަރެން ކުރިން ހީކުރީ ދޮންބެ އާއި ޔޫހާކަމަށް ރައްޓެހިވެގެންއުޅެނީ، ކީއްވެތަ ޔޫހާ ދޮންބެއާއި މެރީ ނުކުރީ، ދޮންބެ ޒައުލްއަށްވުރެ ހުތުރީތަ” އަފްލީން ބުނެލިއެވެ.
“އަފޫ…ޕްލީޒް، މިއަދު އަފޫއަށް ކިހިނެއްވެފަތަ ތިހުރީ، ކާކު ކީކޭ ކިޔައިގެން ތިއުޅެނީ، މީގެކުރިން ތިފަދަ ވާހަކަތަކެއް އަފޫ ނުދައްކާ، ޝާއިންއަކީ ވަރަށް މާތް ރަނގަޅު އަޙުލާގެއް ލިބިފައިވާ ޒުވާނެއް، އޭނަ އަހަންނަށް އެހިވީ ބަދަލުގައި އަހަރެންގެ ފަރާތުން އެއްވެސް އެއްޗަކަށް އެދެން ބޭނުންނުވާކަމަށް ބުނަމުން، އަދި އަހަރެންވެސް ޝާއިން އާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުބަލަން، މިހާ ދުވަސްވީއިރު ޝާއިންގެ ހިތުގަ އެފަދަ އިޙްސާސްއެއްވާނަމަ އަހަރެންގެ ގާތު ކޮންމެވެސް ގޮތަކަށް އެކަން ހާމަނުކޮށެއް ނުހުންނާނެ، އަފޫ، އަހަންނަށް ހަމައެކަނި ލޯބިވެވުނު މީހަކީ ޒައުލް، އަފޫ އާއި ޝާއިންނާ ބައްދަލު ވެވުމުގެ މާކުރިންވެސް އަހަންނާ ޒައުލްގެ ގުޅުންވަނީ އުފެދިފަ، އޭގެ ފަހުގަ ކިޔާން މިދުނިޔައަށް އައީ، އަފޫ، ކިޔާން އަހަންނަށް ލިބުނީ ޒައުލްގެ ފަރާތުން، އެއީ ކިޔާންގެ އަސްލު ބައްޕަ…ޒައުލް އަހަންނާ ކައިވެނިކުރަން ބޭނުންވަނީ އެހެންވެ، އަހަންނަށް ކިޔާން ލިބުނީ ޒައުލް އާއި ކައިވެނި ކޮއްގެންނެއްނޫން، އަފޫއަށްވެސް އެނގޭނެ އެހެންލިބޭ ކުދިންނަށް މީހުން ކިޔާއެއްޗެހި…” ޔޫހާގެ ވާހަކަތަށް ނިމުންއިރު އަފްލީން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ކުރިންވެސް އޭނައަށް ކިޔާންއަކީ ބައްޕަނެތްކުއްޖެއްކަން އެނގެއެވެ. އެކަމަކު އެއީ ޔޫހާ އާއި ޒައުލްގެ ގުޅުމަށް ލިބުނު ކުއްޖެއްކަމެއް ނޭނގެއެވެ. އޭނައަށް ޔޫހާ ޒައުލްއާއި ގުޅުން އެހާ މުހިއްމުވަނީ ކީއްވެކަން ވިސްނުނީ ދެނެވެ.
(ނުނިމޭ)