މަޖީދީމަގާއި ސޯސަންމަގު ގުޅިފައިވާ ސަރަޙައްދުގައި “ޓްރެފިކް ލައިޓަށް” މަޑުކޮށްލައިގެން އޮތް ކަޅުކުލައިގެ “ޖަގުވަރ” ކާރުގައި އިން ޒުވާނާ އޭނާގެ ފޯނުން ވާހަކަދައްކަމުން ފައިމަތީ ބާއްވައިލާފައި އޮތް ފޮތުގައި ކޮންމެވެސް އެއްޗެއް ނޯޓު ކުރަމުންދިޔައެވެ. ކާރުގެ ކައިރީ މަޑުކޮށްލާ ކޮންމެ ފަރާތެއްގެ ލޯވެސް އެކާރަށް އަމާޒުނުވެއެއްނުދެއެވެ. އެ ކާރު ފޮހެ އޮފުކޮށްފައި ވާއިރު ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުންގެ ސިފަ ފެންނަހާވެއެވެ. އެންމެ ކޫރެއްހާ ހިސާބުވެސް ނެތް އެ ކާރުގެ ވެރިއަކީ ރާއްޖޭގެ ހޮޓެލް ދާއިރާގައި ނަން މަޝްހޫރު މަންސޫރުގެ ހުރި ހަމައަކެނި ފިރިހެން ދަރިފުޅެވެ. އޭނާގެ ހައިބަތާއި މުއްސަނދިކަން ހަމައެކަނި އެ ކާރުން ވެސް ދައްކުވައިދެއެވެ.
“ޖަމާލް، އަދި ކިހާއިރެއްވާނެތަ؟” ޒައުލް ކަންފަތާ ފޯނު ދުރުކޮށްލުމާއެކު އޭނާގެ ޙާއްޞަ ޑްރައިވަރުގެ ގާތު އަހާލިއެވެ.
“ދެން ނުވާނެ މާގިނައިރެއް ކުޑަސާހެބް، ވަގުތަށް އަޅުގަނޑު ގެންގޮސްދެއްވާނަން” ޖަމާލު ވެސް ޒައުލަށް ބަލާލުމުގެ ބަދަލުގައި ބެލީ އަވަހަށް ޖަވާބުދެވޭތޯއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއްވަނީ ކުރިމަތީ އޮތް މަގަށް ހުއްޓިފައެވެ. ޖަމާލަކީ ޒައުލްގެ އުމުރުން ސަތާރަ އަހަރުން ފެށިގެން އޭނާގެ ބައްޕަގެ ގާތުގައި މަސައްކަތްކުރަން އުޅުނު މެލޭޝިޔާގެ ރައްޔިތެކެވެ. އޭނާގެ ބައްޕަގެ ކުންފީނީގެ ކާރުގެ ޑްރައިވަރު ވެސް މެއެވެ. ޢާއިލާއަށް ވަފާތެރި ޚާދިމެކެވެ. އެ ޢާއިލާއާއެކު އުޅޭތާ ގިނަދުވަސްތަކެއްވެފައި ވުމުން ދިވެހިބަސް ފަރިތަ ކަމާއެކު ބޭނުންކުރަން އެނގޭ ދެބައިއުމުރުގެ ފިރިހެނެކެވެ.
މެންދުރުގެ ގަދަ ހޫނުގައި ވެސް މަގުތަކުގައި ހޭލަމޭލަވެ އުޅޭ މީހުން މަދެއްނޫނެވެ. ސުކޫލުތަކަށް ކުދިންގެންދާ ގަޑިކަމަށްވުމާއެކު ގިނަ އަދަދަކަށް ބެލެނިވެރިންނާއި ދަރިވަރުން ފެންނަމުންދިޔައެވެ. އޭސީ ކުރެވިފައިވާ ކާރުގެ ތެރޭގައި ޒައުލް އިންއިރު ވެސް ލޮލުގައި ރަންޕްލެޓްގެ ސިލުވެޓް އައިނެއް އަޅާފައިވެއެވެ. އޭނާ ވެސް މަގުމަތިންދާ މީހުންނަށް ބަލަން އިނީ “ޓްރެޕިކް ލައިޓުގެ” ފެހި އަލި ދިއްލޭނޭ އިރެއްގެ އިންތިޒާރުގައި އިނދެއެވެ. މިއަދަކީ އޭނާއަށް ވަރަށް ވެސް ބޮޑު ދުވަހެކެވެ. އޭނާގެ ބައްޕަގެ މިންނަތް މަސައްކަތުން ކޮޅަށް ޖަހައި މިއަދު ބޮޑު ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ހިންގަމުންދާ އެ ކުންފިނީގެ ދަށުން ހުޅުމާލޭގައި ފުރަތަމަ ފަހަރަށް އެޅޭ ލަގްޒަރީ ހޮޓެލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދިއުމަށެވެ.
މަގުގެ އެއްފަރާތު ދުވާރު މަތިން ފުއްމަމުން ކަހަލަ ގޮތަކަށް އައި ކުޑަކުއްޖާ ކާރުގައި އިން ޒައުލްގެ ލޮލުގައި އަޅައިގަތެވެ. މިނިވަންކަމާއެކު އެއްވެސް ޚިޔާލެއް ފިކުރެއްނެތި އޭނާގެ އަމިއްލަ ދުނިޔެއްގައި ވާފަދައެވެ. ޒައުލްއަށް އެ ކުޑަކުއްޖާގެ މޫނުގައިވި ހިނިތުންވުން އުނދަގޫކުރިއެވެ. ދެ ބުމަ ކައިރިކޮށްލަމުން ނިތްކުރިއަށް ރޫއަރުވާލެވުނެވެ. ޖަމާލު ކާރު ނައްޓާލުމަށް ތައްޔާރުކޮށްލީ އެވަގުތުއެވެ. ޒައުލް އެ ކުޑަ ފިރިހެންކުއްޖާގެ އަތުގައި ހިފައިގެން ހުރެ ހިނގަމުން އަންނަ އަންހެން ކުއްޖާއަށް ބަލާލިއެވެ. ސިކުނޑީގެ ފޮރުވިފައިވާ ބައެއްގައި މީހަކު ކޮއްޓާލިހެން ހީވިއެވެ. އޭނާއަށް އެ އަންހެން ކުއްޖާގެ މޫނުން ދަންނަ ވައްތަރުޖެހިއެވެ. ޖަމާލު ކާރު ދުއްވާލަން އުޅެން ފެށުމުން އިހަށް މަޑުކޮށްލުމަށް ޒައުލް އެންގިއެވެ. އަދި ކާރުގެ ކައިރިން ލާފައި އޭނައަށް ފެނުނު ކުޑަފިރިހެންކުއްޖާއާއި އޭނާގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާ ކާރުގެ ފަހަތަށް ގޮސް ގެއްލެންދެން އޭނާ ބެލިއެވެ. އެފަދަރީތިކަމެއް އޭނަ މީގެ ކުރިންވަނީ ދެކެފައިކަމުގައި ސިކުނޑިބުންޏެވެ. އެހެންނަމަވެސް އެއްގޮތަކަށް ވެސް ހަނދާންވާގޮތެއްނުވިއެވެ.
“ކުޑަ ސާހެބް…” ޖަމާލު ގޮވާލިއެވެ.
“ނައްޓާލާ…” ޒައުލް ދޮރުގައި ޖަހާފައިވާ ކަޅުބިއްލޫރި ގަނޑާއިދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އޭނާ ވިސްނަމުންދިޔައީ އެ އަންހެން ކުއްޖާއާ ދޭތެރޭއެވެ. އެހެންނަމަވެސް އެ ޚިޔާލުތަކާއި ދުރަށްދާންޖެހުނީ އަތުގައި އޮތް ފޯނު ރިންގުވިއަޑަށެވެ.
ހުޅުމާލެއަށް ދިއުމަށްޓަކައި ލާންޗު ތައްޔާރުކުރެވިފައި އޮތް އިރު ޒައުލް ނޫނީ އެހެން ފަރާތްތަކުން އެތަނުގައި ތިއްބެވެ. ޒައުލްގެ ކާރު އައިސް މަޑުކޮށްލުމާއެކު އޭނާގެ ކަންފަތަށް “ބުލޫޓޫތު ހެޑްސެޓު” ހެޔޮވަރުކޮށްލަމުން ކާރުގެ ދޮރުހުޅުވާލިއެވެ. އަދި ކާރުން ފައިބާ ލައިގެން ހުރި ކޯޓުގެ ގޮށްތައް އަޅުވާލަމުން އެ ޕްރޮޖެކްޓުގެ ސީނިއަރ މޭނެޖަރު ހަމްދޫން އާއި ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ.
“ބައްޕަ ދުރުވާނެކަމަށް ހީކުރީ” ހަމްދޫން ޒައުލް އާއި ސަލާމްކޮށްލަމުން ބުނެލިއެވެ.
“މާފުކުރައްވާ! އަޅުގަނޑު ބައްދަލުވުމެއް ނިންމާފައި އަންނަން ޖެހުމުން ލަސްވީ، ބައްޕަ އުޅުއްވަނީ ކުޑަކޮށް ބަލިވެ، ޓްރެވެލްކުރުން އެހާ ސޭފް ނޫންކަމަށް ޑޮކްޓަރ އަންގަވަނީ” ޒައުލް އެންމެ ފުރަތަމަ ވެސް އޭނާ ލަސްވުމުން އެކަމަށް މާފަށްއެދުނެވެ. އަދި ހަމްދޫނު ކުރި ސުވާލަށް ޖަވާބުދިނީ އޭގެ ފަހުގައެވެ.
ހުޅުމާލޭގައި އުޅުމަށްފަހު ޒައުލަށް މާލެ އާދެވުނީ ހަވީރު ހަތަރެއްޖަހާ ދިޔަފަހުންނެވެ. ރާއްޖޭން ބޭރުގައި އޮތް ފަތުރުވެރީންގެ ސެމިނަރއަކަށް ގޮސްފައި މާލެ އައިގޮތަށް އޭނާ ދިޔައީ އޭނާގެ ޚާއްޞަ ހޮޓަލަށެވެ. ބައްދަލުވުމަށާއި އަލަށް ބިންގާއެޅުނު ލަގްޒަރީ ހޮޓެލްގެ ކަންތައްތަކަށް އޭނާ ދިޔައީ ވެސް ސީދާ އެ ހޮޓަލުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަށްވުރެ ކުރީން އޭނާ އިސްކަންދިނީ މާމަ ލާއިގާއަށް ގުޅުމެވެ. އަދި ހެޔޮހާލުގައި ގަދަވެ ސަލާމަތުން މާލޭގައި ހުރިކަމުގެ ޚަބަރުދިނުމަށެވެ. އޭނާގެ ހުރިހާ ވެސް މީހަކީ އެއީ އެވެ. ކާރުގައި ޖަމާލާއެކު އިން އިރު މާގިނަ ވާހަކައެއް ނުދައްކައެވެ. އޭނާގެ މަންޒިލަކަށްވީ އޭނާގެ ހޮޓަލެވެ.
* * * *
ދެފަރާތަށް ކެހިގެންދިޔަ ބިއްލޫރި ދޮރުން ވަދެގެން އަންނަ ޒުވާނާ ރިސެޕްޝަނުގައި އިން ޔޫހާއަށް ފެނި ދެބުމަ ގޮށްޖާހިލިއެވެ. އެ މަންޒަރު ފެނި އޭނާގެ ގާތުގައި އިން ރިޔާޝާގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް ޤަވަޢިދުގައި އޮންނަ ގޮތުންނަމަ ރިސެޕްޝަނިސްޓުން އެމީހުންގެ މަސައްކަތު ސަރަޙައްދުގައި ހީނ ސަކަރާތް ޖެހުމަކީ މަނާކަމެކެވެ. ރިޔާޝާ ބޯތިރިކޮށްލަމުން ކައުންޓަރުގެ ނިވަލުގައި އިނދެ ހިނިގަނޑު ފިއްތާލަން މަސައްކަތްކުރަމުންދިޔައެވެ.
“ވަރަށް ފޫހިވޭ! މި މީހާ މިތަނުން ދާކަށް ވެސް ނޫޅެޔޭ، އިއްޔެ ވެސް ސުޕަރވައިޒަރަށް ހުންނަ ހާރިޝްއަށް ގުޅާފަ އަހައިފިޔޭ ރިސެޕްޝަންގަ އިންނަ ދޮންކުއްޖާ އަންނާނީ ކޮންއިރަކުންހޭ، ހާރިޝް ވެސް ހުންނަނީ ފާޑަކަށް، އަދި މަށާދިމާއަށް އޭނާ ވެސް ބުނަނީ ރިސެޕްޝަންގެ ފޯނުން މީސްމީހުންނަށް ނުގުޅައްޗޯ، އެއީ އަމިއްލަ ބޭނުންތަކަށް ލާފައި ހުރި ފޯނެއްނޫނޯ. ޕާރސަނަލް ކަންތައްތައް އޮފީހާއި ހަމައަށް އަޔަނުދޭށޯ….އަޅެ މަމިއުޅެނީ އެހެންތަ؟ މި މީހާ ގަނޑާހެދި ހާރިޝް ހީކުރަނީ ވަރަށް ގޯސްކޮށް، ހިތަށް އަރާ އޭނާއަށް ފިލަންވިއްޔޭ ވެސް…” އެހިސާބަށް ބުނެވުނު ތަނާހެން ދޮރުން ވަން ޒުވާނާ އައިސް ރިސެޕްޝަން ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. ވަގުތުން ޔޫހާގެ މޫނު މައްޗަށް ހިނިތުންވުން ގެންނަމުން ކިހިނެއްތޯ އޭނާއަށް އެހީތެރިވެދޭންވީ ސުވާލުކޮށްލިއެވެ. އެ ޒުވާނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އޭނާއަކީ ރަޝީޔާ ރައްޔިތެކެވެ. ރާއްޖެ އައިސް އުޅެނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެންކަން ވެސް އޭނާވަނީ ޔޫހާއަށް ކިޔާދީފައެވެ.
ޔޫހާ އޮންދަވޭ ފައިވްސްޓަރ ހޮޓެލްގެ ރިސެޕްޝަނިސްޓަކަށް އުޅޭތާ އަދި އެއް މަސް ކިރިޔާވަނީއެވެ. އެހެންނަމަވެސް ތަނުގެ މެނޭޖްމަންޓާއި އެކުގައިއުޅޭ މުވައްޒަފުންނާ ވަރަށް ގުޅެއެވެ. އޭނާގެ ހުންނަ ހިތްހެޔޮ މިޒާޖުގެ ސަބަބުން އެކުވެރިން ހޯދުމަކީ އުނދަގޫކަމެއްނޫނެވެ. އެހެންނަމަވެސް އޭނާއަކީ ބަސްމަދު އަންހެން ކުއްޖެކެވެ. މީހުންގެ ސަމާލުކަން ލިބުންނޭދޭ އަންހެންކުއްޖެކެވެ. ނަމަވެސް ޤުދުރަތުގެ ކުޅަދާނަކަން މާމަތިވެރިވެގެންވެއެވެ. ބޭނުންނުވިކަމުގައި ވިޔަސް ޤުދުރަތުން އޭނާއަށް ލިބިފައިވަނީ މީހުން އަޅައިގަންނާނޭ ފަދަ ރީތި ކަމެކެވެ.
* * * *
ޖަމާލު ކާރުގައި ހޮޓަލުން ނުކުތް ގޮތަށް ޒައުލް ގޮވައިގެން އައިސް މަޑުކޮއްލީ މާފަންނު “އެމީލީހިޔާ” ގެއަށެވެ. ފަސްބުރިއަށް ގެ ނެގިފާވިއެއްކަމަކު ގޭގެ ސެކިއުރީފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ފަހުގެ ޓެކްނޯލެޖީގެ އެހީ ހޯދާފައިވާކަން ފެންނަން ހުއްޓެވެ. ޒައުލް ކާރުން ފޭބުމާއެކު ގޭތެރެއަށް ހުޅުވޭގޮތަށް ހަދާފައިވާ ކަޅުކުލައިގެ ދަގަނޑު ބޮޑު ގޭޓު ދޮރުފާރައަށް ހުރި ފިރިހެނަކު ހުޅުވާލިއެވެ. ޕޯޓިކޯއަށް ޒައުލް ބޭލުމަށްފަހު ޖަމާލު ކާރު ގަރާޖުގައި ޕާކުކޮށްލާފައި ޒައުލްގެ ފޮށިހިފައިގެން ގޭތެރެއަށްވަނެވެ.
“ސަލާމް މާމާ” ޒައުލްގެ އަޑުއިވިފައި ލާއިގާ ކިޔަން އިން ފޮތް ކުރިމަތީ ހުރި ބިއްލޫރި ތިރި މޭޒުގެ މަތީ ބާއްވާލަމުން ސޯފާގެ ފަހަތަށް ދޮރާ ދިމާއަށް ނަޒަރު ހިންގާލިއެވެ. އެއާއިއެކު ލާއިގާގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފެނިގެންދިޔައެވެ.
“ދަރިފުޅު އަންނާނޭ އިރެއް ނޭގިފައި މާމަ މި އިންނަނީ، ފަހުން ގުޅާ ވެސް ނުލަމެއްނު، ހާދަ އުފާވެއްޖެޔޭ މަގޭދަރިފުޅު ފެނުމުން، ކޮބާ އެއްޗެއް ކައިފިންތަ މިހާރު؟ އިހަށް ފެންވަރާލާ ތަޒާވެލައިގެން ދޯ ނުކުންނާނީ، ބައްޕަ ވެސް ހަވީރު ސައިބައްލަވަން ނުކުންނަވާނެ، މިހާރު އެބައިންނެވި ލައިބްރަރީގައި، ކޮންމެވެސް ލިޔުންތަކެއް ބައްލަވަން” ލާއިގާގެ އުފާވެރިކަން ޒައުލް ފެނުމުން އިތުރުވެގެންދިޔައެވެ.
ޒައުލްއަކީ ލާއިގާގެ ދެލޮލުގެ ނޫރެއެވެ. އެ ލޮލުގެ ފިނިކަމެވެ. އެހާ ވެސް ލޯބިވެއެވެ. ޢާއިލާގައި ދެންތިބި ދެ މާމަ ދަރިންނަށްވުރެ ލާއިގާއަށް ޒައުލް ޙާއްޞައެވެ. ލާއިގާގެ ހަރަކާތްތައް ފެނި ޒައުލްގެ ހިތަށް ހަމަޖެހުންގެނެސްދިނެވެ. މިއަދު އޭނާއަށް ދަސްވި ރީތި އާދައެއްވެއްޖެޔާ ދަސްވެފައިވަނީ އެ މާމަގެ ފަރާތުންނެވެ. ލާއިގާއަށްވުރެ އިސްކޮޅުން ދިގު ކަމުގައިވިޔަސް އިޙްތިރާމް ކުރުމުގައި ލާއިގާގެ ހުރިހާކަމަކަށް ޒައުލް އިސްކަންދެއެވެ. ލާއިގާއާއެކު ހިނގުމުގައި އޭނާގެ އެއްފަރާތުގައި ކުޑަތަންކޮޅެއް ފަހަތަށް ޖެހި ހުރެ ހިނގަން ޒައުލަށްވަނީ އާދަވެފައެވެ. އެންމެ ކުޑަމިނުން ލާއިގާ ވާހަކަދައްކާނަމަ އޭނާގެ ވާހަކަ ނުނިމެނިސް ޒައުލް އެއްވެސް އެއްޗެއް ނުބުނާނެއެވެ. ބައްޕައަށްވުރެ ވެސް ލާއިގާއަށް އޭނާ ކުރާ ގަދަރުބޮޑެވެ.
ހަވީރުގެ ސަޔަށް ސުފުރާމަތި ތައްޔާރުކުރަމުންދިޔައިރު ގޭގައި ގެންގުޅޭ ޚާދިމުންތައް އަވަދިނެތި އުޅެމުންދިޔައެވެ. ކުޅި ބާވަތްތަކާއި ފޮނިބާވަތްތަކުގެ ހެދިކާއެވެ. ކިރުސަޔާއި ކަޅުސައެވެ. ކޮފީ ބޯންބޭނުންވާނަމަ ދެވައްތަރުގެ ކޮފީއެވެ. އެ ހުރިހާ ކަމެއް ބަލަމުންދިޔައީ ލާއިގާއެވެ. ސުފުރާމަތީ ބަހައްޓާނެ ސަމްސަލަކަށް ދަންދެން ކިޔާދެމުންދިޔައީ ލާއިގާއެވެ. މަންސޫރަށްވުރެ އެ ގޭގައި ބަސްބުނެ ކަންތައްތައް ނިންމާ ހަދަނީ އޭނާގެ މަންމަ ލާއިގާއެވެ. އެކަމާ އޭނާގެ އެއްވެސް މައްސަލައެއްނެތެވެ. މަންސޫރަކީ ވެސް މަންމަދެކެ އިންތިހާއަށް ލޯބިވާ ދަރިއެކެވެ. މަންމަ ފަދަ ރަނގަޅު އަޙްލާގެއްގެ ވެރިއަކަށް މަންސޫރު ވެސް ވެއެވެ. މިއަދު އޭނާގެ ވިޔަފާރި ޒައުލް ބަލަހައްޓަމުންދާކަން އެއީ އޭނާ ދެކެމުން އައި ހުވަފެނެވެ. މުސްކުޅިވެ ގައިބާރުދެރަވާދުވަހު އޭނާގެ ޒިންމާތައް ދޫކޮށްދާނެ ފަރާތެއްކަމުގައި ޒައުލްވީކަމީ މަރުއެނދުގައި ވެސް އޭނާއަށް ހަމަޖެހިލައިގެން އޮވެވޭނެކަމެކެވެ.
“ހެލޯ! ކިހިނެއްތަ؟ ހަވީރު ޑިއުޓީ ދޯ” ލޮބީ އިން ޝާއިން ހުރަސްކަނޑާލަމުން ޔޫހާއަށް ބުނެލިއެވެ.
“އާން! މިރޭ ނިމޭނީ… އޯލްރެޑީ މިސިންގ ހިމް” ޔޫހާ ކައުންޓަރުމަތީ ދެއަތް ބާއްވާލަމުން ދެރަވެފައިވާ މޫނެއް ދައްކާލިއެވެ. އޭނާގެ އެ ހަރަކާތަށް ޝާއިން ލުއިގޮތަކަށް ހީނލިއެވެ.
“އަހަންނަށް ވެސް ޝާއިން ގޮވާލާނަމަ” ރިސެޕްޝަނުގައި ތިބޭ ތިން ކުދިންގެ ތެރެއިން ޔޫހާއާއި ރިޔާޝާގެ އިތުރުން ދެންހުރި އަންހެންކުއްޖާ ބުނެލި އަޑު އިވުނެވެ. އެކަމާ ރިޔާޝާ އޭނާއާ ދިމާކޮށްލިއެވެ. ޔޫހާ ހުއްޓަ އެމީހުންނަށް މީހަކު ގޮވާލާނޭހޭ ބުނެލިއެވެ. ރިޔާޝާގެ އެ ޖުމްލައިން ޔޫހާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
ޝާއިން އެދިޔަގޮތަށް ނުކުތީ ބޭރަށެވެ. އޭނާގެ އޮފީސްވަގުތު ނިމުނީއެވެ. ޔޫހާގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިއަކީ އެއީއެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ހިއްސާކުރަމުން މިހާރު އަންނަނީ އެ އެކުވެރިޔާއާއެވެ. މިއަދު ޝާއިން ފަދަ ރަޙުމަތްތެރިއަކު ލިބުނީތީ އެކަމާ ޔޫނާ ޝުކުރުވެރިވެއެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާގައި އޭނާ މިއަދު ހުރުމަށް ފުރުޞަތުދިނީ ވެސް ޝާއިންނެވެ.
“މީ އަހަރެން އަމިއްލައަށް ހޯދައިގަތް ރީތިކަމެއްނޫން، މި ރީތިކަމުގެ ސަބަބުން އަހަންނަށް ދިމާވާ ހުރަސްތައް އެނގޭނީ ޚުދު އަހަންނަށް. ހަޤީޤީ ރީތިކަމަކީ ބޭރުފުށުން ފެންނަ ރީތިކަމެއްނޫން. މި ރީތިކަމަކީ ނަގާފައި އެހެންމީހަކަށް ދެވޭވަރުގެ އެއްޗެއްނަމަ އެބަޔަކަށް ހަދިޔާކުރާނެތާ ކިތަންމެ ދުވަހެއް، އަހަރުމެން އިންސާނުންވީމަ ޠަބީޢަތުގައި ހަރުލާފައި ހުންނަކަމެއް އެއީ ރީތި އެއްޗިއްސަށް ލޯބިކުރުން. އެއީ މައްސަލައެއް ވެސް ނޫން. ހަމައެކަނި މައްސަލައަކަށްވަނީ ރީތިކަމަކީ ކޮބައިކަން ވަކިކުރާން ނޭނގުން. ކޮންމެ އިންސާނަކު ވެސް ހައްދަވާފައިވަނީ އެންމެ ރިވެތި ސޫރައިގައެއްނު… އެކަމަށް ޝުކުރުވެރިވާން ހަނދާން ހުންނަނީ ކިތައް މީހުންބާއޭ ހިތަށް އަރާ…” ޝާއިން ހޮޓެލްގެ ތެރެއިން ބޭރަށް ނުކުތުމާއިއެކު، ޔޫހާ އޭނާގެ ގާތުގައި އިން ރިޔާޝާ ދެއްކި ވާހަކައަށް ޖަވާބުދިނެވެ.
“އެއީ ރިޔާޝާ އެހެންބުނި އެއްޗެއް ނޫނޭ، ޔޫހާ ރުޅި ނާންނައްޗޭ!… އޭތް! އެނގޭތަ؟ އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ ޝާއިން ހުރީ ހުހަށޭ ބުނީމަ” އިށީނދެގެން އިން ޔޫހާއާ ދިމާއަށް ގޮނޑި އަނބުރާލަމުން މާޔާ ބުނެލިއެވެ.
“އޭނާ ހުހީ މިހާރުއޭ، ކުރިން އުޅުނީ ފާޑެއްގެ ކުއްޖަކާ ރައްޓެހިވެގެން… ދޯ ޔޫހާ، މި ޔޫހާއަށް އެކަންތައް ރަނގަޅަށް އެނގޭނީ” ރިޔާޝާ ބުނެލިއެވެ.
“ސާބަސް އިނގޭ ކަލޭމެން ދެ މީހުނަށް، މިތާ ތިބެގެން މީހުންގެ ވާހަކަދެއްކުން ނޫންކަމެއް އެބަކުރެވޭތަ” ޔޫހާ މިހެން ބުނުމާއެކު ރިޔާޝާއާއި މާޔާ ހީނލިއެވެ. އަދި އެމީހުންގެ މައުޟޫޢު ބަދަލުކޮށްލިއެވެ. ދެފަރާތުގައި ތިބި ދެރަޙުމަތްތެރިންގެ ވާހަކައިގައި ދޭތެރެއަކުން ޔޫހާ ބައިވެރިވެ އެއްޗެއް ބުނެލައެވެ. އެހެންނަމަވެސް އޭނާ ގަޑިއަށް ވެސް ސަމާލުކަން ދެމުންދިޔައެވެ. ހީވާގޮތުން އޭނާ ގަޑިއަށް ކުރަންޖެހޭ ކޮންމެވެސް ކަމެއް އޮތީހެން ހީވެއެވެ.
* * * *
“މާމާ ޕްލީޒް، އަޅުގަނޑު ލަހެއްނުވާނެއޭ، މިދިޔައީ މިއައީ… އެހާ ވެސް އަވަސްވާނެ” އީލާކް އާދޭހުގެ ރާގަކަށް ބުނަމުންދިޔައެވެ.
“މާމަ ބުނިއެއްޗެއް އީލާކަށް އަޑުނީވުނީތަ، އެއްފަހަރު ބުނީމަ ޤަބޫލުކުރަން އާދަކޮށްބަލަ… ކޮންވައްތަރަކަށްތަ ތިއުޅެނީ، ތީ އަންހެން ކުދީން އުޅޭންވާނެ ގޮތެއްނޫނޭ” ލާއިގާގެ ރާގުގައި ހަރުކަށިކަން އެކުލެވިފައިވިއެވެ. އީލާކަށް އިތުރަށް ބަހެއްބުނާކަށް ނުކެރުނެވެ. ބޭނުންވި ކަންތައް ނުވުމުން އީލާކަށް މޫނުހަދާލެވުނެ. ތިންކޮޅު އަނބުރާލާފައި އޭނާ ކާމޭޒުކައިރިން ތެދުވެގެން ދިޔައީ ހިތްހަމަނުޖެހިފަ ހުރިކަން ލާއިގާއަށް އެންގުމަށެވެ.
“އީލާކް…ކޮއްކޯ…އީލާކް…” ލޫލުއާ ގޮވާލިއެވެ.
“ލޫލުއާ…ކައިނިމިގެން ސުފުރާދޫކޮށް ދާނީ” ތެދުވެގެން އީލާކްގެ ފަހަތުންދާން އުޅުނު ލޫލުއާއަށް ލާއިގާގެ ޖުމްލަ އަޑުއިވިފައި އިށީނެވެ. އޭނާ ދެން ބަލާލީ ބައްޕަ މަންސޫރާ ދިމާއަށެވެ. މަންސޫރު ލޯމަރާލަމުން ބޯޖަހާލީ ލާއިގާގެ ބަސް ޤަބޫލުކުރާށޭ ބުނާފަދަ ގޮތަކަށެވެ.
ލޫލުއާއާއި އީލާކް އަކީ މަންސޫރުގެ ހަމައެކަނި ތިބި ދެ އަންހެންދަރީންނެވެ. ޢާއިލާގައި އެންމެ ދޮށީ ލޫލުއާއެވެ. މެދަށް ޒައުލް ލިބުނުއިރު އެންމެ ހަގީ އީލާކެވެ. މިޒާޖުގެ ގޮތުން ވެސް އެންމެ ތަފާތު ކުއްޖަކަށްވީ ހަގުދަރިފުޅު އީލާކެވެ. ލާއިގާގެ ކަންކަމަށް ފާޑުކިޔަން ކެރޭ ކުއްޖަކަށް ވެސް ޢާއިލާގައި ހުރީ އީލާކް އެކަންޏެވެ.
“ދަރިފުޅު މިއަދު އޮޕަރޭޝަނެއް ކުރާން އޮތް ވާހަކަ ބުނީމެއްނު، ކިހިނެއްތަ އެކަންތައްތައް ދިޔައީ، ކާމިޔާބުވިތަ؟” ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލަމުން ލޫލުއާއާ މަންސޫރު ވާހަކަދެއްކިއެވެ.
ލޫލުއާއަކީ ރާއްޖޭގައި ތިބި މޮޅު އޮޕަރޭޝަން ޑަކްޓަރުންގެ ތެރެއިން ނަންކިޔާލެވޭ ފަރާތެކެވެ. ނާރުގެ ޙާއްސަ ޑަކްޓަރެކެވެ. އޭނާގެ މުޅި ދުވަސް ދިޔަގޮތް މަންސޫރަށް ކިޔާދެމުންދިޔައީ ނިކަން ޝައުގުވެރިކަމާއެކުއެވެ. އެންމެންގެ ތެރޭ ބަސްމަދުވެފައި އިނީ ޒައުލެވެ. އޭނާ ކައިނިމުމާއެކު ލާއިގާގެ ގާތުން ކާމޭޒުކައިރިން ދުރަށް ދިއުމުގެ އިޒުނައަށް އެދުނެވެ. ލާއިގާ ހިނިތުންވެލަމުން ބޯޖަހާލީ ހުއްދަ ދިނުމުގެ ގޮތުންނެވެ.
“އީލާކް…ދޮރުހުޅުވަބަލަ” ޒައުލް އައިސް އީލާކްގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލާފައި ކޮއްކޮއަށް ގޮވާލިއެވެ. ކާމޭޒު ކައިރިން ތެދުވެގެން އީލާކު ދިޔައީ ހިތްހަމަނުޖެހިގެންކަން ޒައުލްއަށް ވެސް އެނގެއެވެ. އެހެންވެ ކޮއްކޮ މަސަލަސްކުރެވޭތޯ އޭނާ އަވަސްވެގަތީއެވެ.
“ނޫޅެން ވާހަކަދައްކާކަށް… އަޅުގަނޑު އެއްވެސް ކުއްޖަކާ ވާހަކަދައްކާކަށް ބޭނުމެއްނޫން… ސްޕެޝަލީ މާމައާ، އީއްކޮ ދެން ނުވެސް ނުކުންނާނަން ކޮޓަރިން، މިތާގަ އެއްކޮށް އުޅޭނީ” އީލާކް ކުޑަކުޑަ ކުއްޖެއް ފަދައިން ވާހަކަދައްކަމުން ދިޔައިރު އޭނާ ހުރީ ދޮރު ކައިރީކަން ޒައުލްއަށް އެނގުނެވެ.
“މައްސަލައެއްނެތް، މިދަނީ ކޮޓަރިއަށް، މިފަހަރު ސެމިނަރއަށް ގޮއްސަ ގެނައި ހަދިޔާ ދޮރުމަތީގައި ބައިންދައިފައި މިދަނީ، އެކަމަކު މާގިނައިރު ކުރަންޏާ މާމަ ހަދިޔާ ގެންދަވާނެކަން ހަދާންކުރާތި… މާމަ ހިތްހަމަޖެހިއެއްނުލައްވާނެ ދޮރުމަތީގައި އެއްޗެހި ބަހައްޓާފައި ހުރީމަ” ޒައުލް ކުޑަކޮށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
ތިރީހަކަށް މިނެޓުވަންދެން އީލާކްގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލައިގެން ހުންނަން ޖެހުނީ އެ ކުއްޖާ ދޮރު ހުޅުވާނޭ ހީވާތީއެވެ. ޒައުލްގެ އިންތިޒާރު އިތުރަށް ދިގުލައިގެން ނުދިޔައެވެ. މަޑުމަޑުން އީލާކްގެ ކޮޓަރި ދޮރުހުޅުވުމާއެކު ހަތަރެސްފައި ޖަހައިގެން އޮތް އީލާކް ދޮރުން ބޭރަށް ބޯދިއްކޮށްލިއެވެ. އެހިނދު ފާރު ކައިރީ ދޮރުގެ އެއްފަރާތުގައި ހުރި ޒައުލް ފެނުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރި ޒައުލް މަޑުމަޑުން ހޭންފެށިއެވެ. ގޭތެރޭގައި ބާރަށް ހުނުމަކީ ލާއިގާ މާގަޔާވާކަމެއްނޫނެވެ. އެހެންވެ ޒައުލް އޭނާގެ ހިނިގަނޑު ހިފަހައްޓަން މަސައްކަތް ކުރިއެވެ. އޭރު އީލާކު ކައިރިއަށް ވެސް ހިނިއަތުވެއްޖެއެވެ. ޒައުލް ނިތްއަރުވާލަމުން އޭނާއަށް ކާމިޔާބު ލިބިއްޖެކަން އިޝާރާތުން އަންގާލިއެވެ. އެއާއެކު ދޮރުން ބޭރަށް ބޯދިއްކޮށްގެން އޮތް އީލާކް ކޮޅަށް ތެދުވިއެވެ. އަދި އެ ކޮޓަރިއަށް ޒައުލް ވަނުމަށް ތަން ދެއްކިއެވެ.
“އޯ ގޯޑް!… މީ ނިދާ ކޮޓަރިއެއްތަ؟ އީއްކޮ ނިދަނީ ކޮންތަންކޮޅެއްގަ؟ މިހެންވެގެން ދޯ މާމަ މި ކޮޓަރިއަށް ނުވައްދާން ތިއުޅެނީ…” އީލާކްގެ ކޮޓަރި އޮތް ގޮތް ފެނުމާއިއެކު ޒައުލަށް ބުނެލެވުނެވެ.
“މާމަ ބުނުއްވާގޮތަށް ހުރިހާކަމެއް ނުކުރެވޭނެ، އަޅުގަނޑުގެ އަމިއްލަ ގޮތެއް ވެސް ހުންނަންވާނެއެއްނު، ދޮންބެއަށް ވެސް އެނގޭނެ އަޅުގަނޑު އަބަދުވެސް ވާން ބޭނުންވަނީ ފެޝަން ޑިޒައިނަރަކަށްކަން…ކުރިއަށް މި ދަނީ ވެސް އެ ދާއިރާއިން، އިރާދަކުރެއްވިއްޔާ ގްރެޑުއޭޝަންއަށް ފަހު މިހާރު ކުރަހާފަ ހުރި ޑިޒައިންތަކުގެ މަސައްކަތް ފައްޓާނަން، މިރޭ ބޭރަށް ދާން ވެސް އުޅުނީ އެކަމާ. އަޅުގަނޑުގެ ރަޙުމަތްތެރިންނާ ޑިޒައިންތައް ޑިސްކަސްކޮށްލަން ބޭނުންވެގެން، އަދި އެހާ ލަހެއް ވެސް ނުވޭ، އަޅުގަނޑުގެ ރަޙުމަތްތެރިންނާއެކު ބޭރަށް ދިއުން އެއީ މައްސަލައެއްނޫނެއްނު، މާމަ އަދިވެސް އުޅެނީ އަޅުގަނޑު ކުޑަކުއްޖަކަށް ހަދައިގެން، މި އަހަރު އަޅުގަނޑުގެ ކިޔެވުން އެއްކޮށް ނިމޭނެ، ބައްޕަ ގާތު އެދިގެން އަވަހަށް ބޭރަށް ފުރަންވީ، ގްރެޑުއޭޝަންއާ ދޭތެރޭ މިއޮތްދުވަސްކޮޅު ވެސް މިކޮޅުގަ ހުންނާކަށް ބޭނުމެއްނޫން… އޭރުން މާމަގެ ކިބައިން ސަލާމަތްވާނީ ވެސް…” އީލާކް އެނދުމަތީގައި ހުރި ބައެއްހެދުންތައް ނަގާ އެއްފަރާތުގައި ހުރި ސޯފާގޮނޑިއަށް އަޅާލަމުން ވާހަކަދެއްކިއެވެ.
“އީލާކް! މާމަ އަހަރުމެން ހުރިހާ ކުދިންދެކެ ވެސް ލޯބިވޭ…އަހަރުމެންނަށް ދެރައެއްލިބޭކަށް މާމަ ނޭދޭނެ، ތިހެން އަބަދު މާމައާ ދެބަސްނުވާށޭ ދޮންބެ ބުނަން ދޯ، އެ ހުރިހާ ވާހަކައަކީ ވެސް ހަމަ ރަނގަޅު ވާހަކައޭ، ބަލާބަލަ މިއޮތް ކޮޓަރިއެއް، ހުރިހާ ތަނަކަށް އަންނައުނުތައް އުކާލެވިފައި، ކާޕެޓުމަތީގައިއާއި ސޯފާގަ ވެސް. އަރާން ގެންގުޅޭ ފައިވާނާ ބޫޓު ފަދަ އެއްޗެހި ބަހައްޓަން ހަރުގަނޑެއް އެބަހުރި، އަނެއްކާ ފާރުގައި ހިއްޕާފަ ހުރި ޕޯސްޓަރު ތަކެއްވާ ދޯ… ދޮންބެގެ ބޮލުގަ ރިއްސާވަރުވޭ، އަދި މާމައަށް ކިހާވަރެއްވާނެ…” ޒައުލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އީލާކަށް ނަސޭޙަތްދީ ވިސްނައިދޭން އުޅޭން ފަދައެވެ.
“ދޮންބެ ވެސް ލެކްޗަރެއް ދެނީތަ، އޭރު ހަދިޔާއެއްގެ ވާހަކަ ބުނި، ކޮބާ ހަދިޔާ؟ އަޅުގަނޑަށް ހަދިޔާއެއް ނުގެނެސްދެންތަ؟” އީލާކް ވާހަކަ ބަދަލުކޮށްލަން އުޅުނެވެ. އެކަން އެނގި ހުރެ ވެސް ޒައުލް ސަމާލުކަމެއްނުދިނެވެ.
“ނޫނޭ! ހަދިޔާގެ މަތީން އިރާދަކުރެއްވިއްޔާ ހަނދާނެއްނުނެތޭނެ، އެކަމަކު އަދި އޮތީ ފޮށީގަ” އީލާކަށް ބަލާލަމުން ޒައުލް ބުނެލިއެވެ. ލޫލުއާ އެކޮޓަރިއަށްވަނީ އެވަގުތުއެވެ. އޭނާ އަވަސް އަވަހަށް އައިސް އީލާކްގެ ގާތުގައި އިށީނެވެ. ނުކައި ކާމޭޒުދޫކޮށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހިފަ ހުރިގޮތް ދައްކާލިއެވެ.
އަމިއްލަ ކަންތައްތަކަށްވުރެ އެހެންމީހުންގެ ކަންކަމުގައި އިސްވެއުޅެވޭ ޒައުލް އިނީ މަންސޫރާ ވާހަކަދެއްކުމަށް ލައިބްރަރީގައި ހުރި ބޮޑު މޭޒުގެ ކައިރީ އިށީނދެއެވެ. އޭރު ގަޑިތަކުން ރޭގަނޑު ނުވައެއް ވެސް ޖަހައިފިއެވެ. ވިޔަފާރީގެ މުހިންމު ކަމެއް ނިންމުމުގައި ދެބަފައިން މަޝްވަރާ ކުރަމުންދަނީއެވެ. ބަނގުރޫޓުވަމުންދާ ހޮޓެލްތައް ގަނެ އަލުން ފައިދާކުރުވަނިވި ތަނަކަށް އެ ތަންތަން ހެދުމަކީ މިފަހަކަށް އައިސް މަންސޫރާއި ޒައުލްގެ ވިސްނުންހުރިގޮތެވެ. ނިންމުމަކާ ހަމައަށް އާދެވި ޒައުލަށް ނިދަން ދެވުނު އިރު ބާރަ ޖަހަނީއެވެ. އަރާމުތަންމަތީގައި ޖެހުނުލެއް ލަސްވީއެވެ. ޒައުލްގެ ލޯމެރި ފުން ނިންޖެއްގެ ތެރެއަށް އޭނަ ޣަރަގުވެގެންދިޔައެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ޒައުލް ދިހައެއް ޖަހާލާކަންހާއިރު އޭނާގެ ޙާއްޞަ ހޮޓެލަށް އައެވެ. އަދި އެ ތަނުގައި އޭނާއަށް ޚާއްޞަކޮށްފައިވާ އޮފީހުގައި ލިޔުންތަކެއް ބަލަން އިނެވެ. އޭރު އޭނާގެ ގާތުގައި އަންހެން ކުއްޖަކު ފައިލެއް ހިފައިގެން މަޑުކޮށްލައިގެން ހުއްޓެވެ. އަދަބުވެރިކަމާއެކު ޒައުލްއާ ވާހަކަދައްކަމުންދިޔައެވެ. މަންސޫރުގެ ނަންމަތީ އެތަށް ހޮޓަލެއް ވާއިރު އެ ހުރިހާ ހޮޓަލަކަށް ޒައުލް ގޮހެއް ނުހަދައެވެ. އޭނާ ކުރަންޖެހޭ މުހިއްމު ކަންތައްތައް ނިންމަނީ ފޯނުގެ އެހީގައެވެ. ނޫނީ ވެބްކެމް މެދުވެރިކޮށެވެ. ކޮންޓްރެކްޓު ފަދަ ލިޔުމެއްގައި ސޮއެ ކުރަންވެއްޖެނަމަ އޭނާގެ ޙާއްޞަ ހޮޓެލްގައި ހުންނަ އޮފީހަށް އައުމަށް މީހުންނަށް ދަޢުވަތު އަރުވައެވެ. މަންސޫރުގެ ކުންފުނީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓެލްއާ ގުޅިގެން ބާއްވަން ހަމަޖެހުނު ހަފްލާއަށް އެކިމަގާމުތަކުގެ އިސްވެރިންނަށް ދަޢުވަތުއެރުވިއެވެ. ޒައުލް ހޮޓެލްތަކުގެ އެކި ޑިޕާރޓުމެންޓް ހެޑުންނާއެކު ބައްދަލުވުމެއް ބޭވުމަށްފަހު ކަންތައްތައް ކުރާންވީގޮތް ކިޔާދިނެވެ. ބޭރުގެ ފެންވަރަށް ބާއްވަން ހަމަޖެހުނު ހަފްލާގައި ރާއްޖޭން ބޭރުގެ ބައެއްފަރާތްތައް ވެސް ބައިވެރިވާނޭ ކަމުގައި ޢިއުލާންކުރިއެވެ. ހުރިހާ ކަމެއް ހަމަޖެހުމާއެކު މީޑިއާއަށް ފުރަތަމަ ފަހަރަށް މަންސޫރު ކުންފީނީގެ އާމޫނުކަމުގައި ޒައުލް ފެނިގެންދިޔައެވެ. އަދި ބާއްވަން އުޅޭ ކުލަގަދަ ރަސްމިއްޔާތާ ބެހޭގޮތުން މީޑީއާގެ އެކިފަރާތްތަކާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
* * * *
“ކިޔާން، އަވަހަށް އާދޭ އަފޫ ދައްތައާއެކު އެތިކޮޅެއް ކާލަން” އަފްލީން ސިޓިން ރޫމުގައި ދުވެދުވެފައި އުޅޭ ހަތަރު އަހަރުގެ ކިޔާންއަށް ބުނެލިއެވެ.
“އޯ! ބުރަކަށީގަ ރިއްސާހެން ވެސް އެބަހީވޭ، ކީއްކުރާނީ… މިވަގުތަށް އަހަންނަށް ހިތްހަމަޖެހުންލިބޭ ދެކަމުން ތުރޭން އެއްކަންތައް ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަހަންނަށް ލިބި އެތަނަށް ދިއުން، އަފޫ!… ގެނޭ އަހަރެން ކާންދޭނަން” ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުތް ޔޫހާ ބުނެލިއެވެ.
“އަފޫ ދައްތަ އަތުންނޭ ކިޔާން ކާނީ ދޯ، ޔޫހާ އެއްޗެހި ދޮންނަނީނު، މީދެން އެވަރުކަމެއް ވެސް ނޫން، އަހަރެން ކިޔާން އާއެކު ވަގުތު ހޭދަކުރާން ބޭނުންވާވަރު ޔޫހާއަށް އެނގޭނެ” އަފްލީން ހިނިއައިސްފައި ކިޔާންއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
މެންދުރުފަސް ޑިއުޓީގަޑި ޖެހުމުގެ އެއްގަޑިއިރު ކުރީން ޔޫހާއަށް ހޮޓެލަށް ދާންޖެހުނެވެ. ޙާއްޞަ ބައްދަލުވުމެއް އޮވެގެންނެވެ. ބޮޑުމީހާ ބާއްވަން އުޅޭ ހަފްލާއަށް ކޮންމެ ހޮޓެލަކުން ވެސް ވަކިއަދަދަކަށް ކުދީން ހޮވުމަށް ނިންމާފައިވާކަން އެންގިއެވެ. އަދި އެ މީހުން ޢިއުލާންކޮށްފައިވާ ލިސްޓުގައި ޔޫހާގެ ނަންނެތުމުން އޭނާގެ އަނގައިގާވާ ހުރިހާ ދަތެއް ކަހަލަ ގޮތަކަށް ފެނިގެންދިޔައެވެ. އޭނާއަށް އެއީ ކިހިނެއްވީކަމެއްކަން ވަގުތުން ނަގައިގަނެވުނެވެ. ބައްދަލުވުން ނިންމާފައި ރިސެޕްޝަނިސްޓުން ތިބެން ހަމަޖެހިފައި ހުންނަ ކައުންޓަރު ކައިރިއަށް ޔޫހާއަށް އާދެވުމާއެކު ފޯނުގެ އަތްގަނޑު ނެގުމަށްފަހު ކޯޑު ނަންބަރެއް ޖަހާލިއެވެ.
“ހެލޯ، މީ ޔޫހާ…” ޔޫހާ ވާހަކަދެއްކިއެވެ.
“ހެ ހެ ހެ ހެ…އަހަންނަށް އޭރު ވެސް ހީވި ޔޫހާ އަހަންނަށް ގުޅާނެހެން، ޝުކުރިއްޔާއޭ ބުނުމުގެ ކުރީން އަހަރެން ޤަބޫލުކޮށްފީމޭ މިބުނަނީ…އަހަންނަށް އެނގޭ ޔޫހާއަށް ގޭގައި ހުރުން މުހިންމުވާވަރު” ހޮޓެލްގެ އެޗް.އާރް މެނޭޖަރު ޝާއިން ބުނެލިއެވެ.
“އަސްލު ވެސް!… ވަރަށް ބޮޑަށް ޝުކުރިއްޔާ، ޔޫ އާރ މައި ބެސްޓް ބެސްޓު ފުރެންޑް، ހާދަ ރަނގަޅޭ ޝާ…އޫފްސް، ނަމެއް ނުބުނާނަން…ބާއްވަނީ އިނގޭ، ސުޕަރވައިޒަރަށް ފެނިއްޖެއްޔާ މައްސަލައެއް ޖެހިދާނެ” ޔޫހާ ހިނިއައިސްފައި ހުރެ އަވަސް އަވަހަށް ރިސެޕްޝަން ފޯނު ބޭއްވިއެވެ.
“އޭ މިއަދު ޓީވީއިން ޚަބަރު ބަލާލިންތަ؟ އޯމައިގޯޑް، އެހެރަ ސްމާރޓްކަމެއް…ހާދަ ރީއްޗޭ” ޔޫހާ ފޯނުގެ އަތްގަނޑު ބޭއްވުމާއިއެކު ރިޔާޝާ ބުނެލިއެވެ.
“ޓީވީ ބަލައެއްނުލެވުނު، ކާކުތަ ދެއްކީ…ރާއްޖެއަށް އަނެއްކާ ޗުއްޓީ ހޭދަކޮއްލަން ސެލެބްރިޓީއެއް އައީތަ؟” ޔޫހާވެސް އޮޅުންފިލުވަން ބޭނުންވިއެވެ.
“އަހަރެންވެސް ދެކުނިން، ކޮމްޕެނީގެ ނިއުފޭސް އެއްނު، މަންސޫރުގެ ދޮށީ ފިރިހެން ދަރިފުޅު އޭނަގެ ބައްޕަގެ މަގާމަށް އައީ، އަހަރުމެންގެ ވެރިއަކަށް މިހާރު ވާނީ އޭނަ، އަޅެ މިހޮޓެލްއަށްވެސް އަންނާނެ ނަމަދޯ” މާޔާ ބުނެލިއެވެ.
“މީގެ ކުރިން ނާދޭތަ، އޭ މާޔާގެ ނަން ލިސްޓުގައި އޮތްވާ ދެކުނިން، ކޮންއިރަކުންތަ ދާންޖެހެނީ” ޔޫހާގެ ވާހަކައިގައި ހޮޓެލްގެ ވެރިއަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެއްނެތެވެ.
ދޭއްގެ ހަބަރު ބަލަން އިން އާފާގުގެ ސަމާލުކަން ކުރިއަށްވުރެބޮޑަށް ޓީވީއަށް ހުއްޓިގެންދިޔައީ ދައްކަމުންދިޔަ ހަބަރުގެ ސަބަބުންނެވެ. ފެންތައްޓެއް ހިފައިގެން އައި ޒަރާނާއަށް އާފާގުއިންގޮތް ފެނި ޓީވީއިން ދައްކަނީ ކޮންއެއްޗެއްތޯ ސުވާލުކޮއްލެވުނެވެ. އަދި ޓީވީއަށް އޭނަވެސް ބަލާލިއެވެ.
“ޒަރާވެސް ބަލާލަބަލަ…” އާފާގު އެހެން ބުނެލީ އޭގައި ތަފާތު މާނައެއް އެކުލެވިފައިވާފަދަ ގޮތަކަށެވެ.
އާފާގުއަށް ފެންތަށި ދިއްކޮއްލަމުން ޓީވީއަށް ބަލާލި ޒަރާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. މުނިމޫނު ހުދު ކަފަކޮޅެއްހާ ހުދުވެގެންދިޔައެވެ. އާފާގު އޭނަގެ އަތުގައިވާ ފެންތަށި ނެގިކަންވެސް އިޙްސާސްނުކުރެވުނެވެ. ޓީވީއިން ޒައުލްފެނި އޭނަގެ ތުންފަތުގައި ފަނޑު ނަމަވެސް ހިނިތުންވުމެއް ދުވެލިއެވެ.
“ޒަރާ…ޒަރާ…” އާފާގު ޒަރާނާގެ އަތުގައި އަތްލަމުން ގޮވާލިއެވެ.
ޒަރާނާ އާފާގު ދިއްކޮއްލި ބިއްލޫރިތަށީގައި ހިފިއެވެ. އަދި އެތަނުން ދުރަށް ހިނގައިގަތީ ބަދިގެއާއި ދިމާލަށް ދިއުމަށެވެ. ސިންކުކައިރީ އަތުގައިވާ ތަށި ބަހައްޓަމުން ޒަރާނާއަށް ފުންނޭވާއެއް ބޭރުކޮއްލެވުނެވެ. އައިސް އަލަމާރިމަތީގައި ހުރި ފޮޓޯ ފުރޭމްއަށް ބަލާލެވުނެވެ. ޒަރާނާ މަޑުމަޑުންގޮސް އެފޮޓޯ ފޮރޭމްނެގިއެވެ. އޭގައި އިން ޒުވާން ފިރިހެންކުއްޖާއަށް ބަލާލިއެވެ. އެއީ އާފާގު އާއި އޭނަގެ ލޯބީގެ ނިޝާނެވެ. އެހެންނަމަވެސް އެއީ ޒަރާނާގެ ހަޔާތުގައި އޭނައަށް ލިބުނު ފުރަތަމަ ދަރިފުޅެއްނޫނެވެ. އޭނަގެ ދެލޯފެންކަޅިވެގެންދިޔައީ އެހަނދާންތައް އޭނައަށް އުނދަގޫ ކުރުމުންނެވެ. އެއީ ހަޔާތުގައި އައި އެންމެ ކަޅު އަނދިރި ދުވަސްތަކެވެ. އަދިވެސް އޭރުގެ ހިޔަނި ނުފިލާ ވެއެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު ޒަރާނާއަށް ކުރެވުނު ކުށުގެ ސަޒާ ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާކަން އެއީ އެންމެނަށް އޭނަ ސިއްރުކުރަމުން އަންނަކަމެކެވެ.
“ޒަރާ…ކިހިނެތްވީ” ފަހަތުން އާފާގު ބުނެލިއަޑުއިވުނެވެ.
“ކަމެއްނުވޭ، އައްޔަދު މަތިން ހަނދާންވީ، މިހާރު ކިހާ ދުވަހެއްވެއްޖެ އެސޮރު ކިޔަވަން ހުންނަތާ، ވަރަށް ދެކިލާހިތުން މިހުންނަނީ” ޒަރާނާ އޭނަގެ އަސްލު އިޙްސާސްތައް ފޮރުވަމުން ބުނެލިއެވެ. އަދި އާފާގަށް ނޭގޭނޭގޮތަށް ދެލޮލަށް ޖަމާވި ކަރުނަތައް ފޮހެލިއެވެ.
އާފާގު ޒަރާނާގެ ފުރަގަހުން އައިސް އޭނަގެ އަތުގައި އޮތް ފޮޓޯ ފްރޭމްއަށް ބަލާލަމުން ޒަރާނާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ދަރިފުޅު ދެކިލުމަށް އޭނަގެ ކައިރިއަށް ދިއުން ކިހިނެތްވާނެތޯ އަހާލިއެވެ.
“ތީ ރަނގަޅު ހިޔާލެއް…” ޝާއިންއަށް ބުނެލެވުނެވެ. ޑިޕާރޓުމެންޓު ތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވެމުންދިޔައީ ހަފްލާގެ މެނޫ އާއި ބެހޭގޮތުންނެވެ. ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ތަފާތު ފާޑުކިޔުންތަކުން ސަލާމަތްވާނެ ގޮތްތަކާއިމެދު އެންމެންގެ ހިޔާލުވެސް ހުށައަޅަމުންދިޔައެވެ.
ކުރިއަށް އޮތް އެއްމަސްދުވަސް ތެރޭ ޒައުލް ބޭނުންވި ފެންވަރުގެ ހަފްލާއަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއްވަނީ ހަމަޖެހި ނިމިފައިވެއެވެ. ހަފްލާއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެސްކޯޓުކޮއްދެވުމުގައި ހޮޓެލްގެ ދެޖިންސުގެ ކުދިންނަށް ޙާއްސަ ތަމްރީނެއް ދެވިފައިވެއެވެ. ވެއިޓަރުންނަށް ސަމާލުކަން ދޭންވީ އެތަށް ކަމެއް ބުނެދެވިފައިވެއެވެ. ހުރިހާކަމެއްވެސް ވަނީ އެހާވެސް ފުރިހަމައަށް ތައްޔާރު ކުރެވިނިމިފައެވެ. ރިސެޕްޝަން ކައުންޓަރު ކައިރީ ހުރި ޔޫހާއަށްވެސް އެކަމުގެ ތެރޭގައި ބައިވެރިވެވުނު ނަމައޭ ހިތަށް އަރައެވެ. އެކަމަކު އެއީ ބައެއްފަހަރުއެވެ. ގިނަފަހަރަށް ބޭނުންވަނީ ގޭގައި ވަގުތު ހޭދަކުރާށެވެ. ހަފްތާއަކު އެއްދުވަސް ޗުއްޓީއެއްގެ ގޮތުން ލިބޭއިރު ދެން އޮން ހަދުވަހަކީ ޑިއުޓީއަށް ނުކުންޖެހޭ ދުވަސްތަކެވެ. ކޮންމެ ހަފްތާއަކު ޑިއުޓީގަޑި ބަދަލުވެއެވެ. ތިން އިރަށް ބަހާލެވިފައި ޑިއުޓީތައް އޮންނައިރު ޔޫހާގެ ދިރިއުޅުމުގެ ކަންތައްތައްވެސް ރާވަންޖެހެނީ ވަޒީފާގެ ޑިއުޓީތާވަލަށް ބުރޫނާރާނޭ ފަދަ ގޮތަކަށެވެ. އޭނައަށް ބަލާލާ ވާހަކަދައްކާލުމަކުން ޔޫހާގެ ދިރިއުޅުމުގެ ފަލްސަފާ އެނގުމަކީ ނާދިރުކަމެކެވެ. އެހެނީ އޭނައަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެކަކާވެސް ހިއްސާކުރަން ބޭނުންނުވާ އަންހެނަކަށްވީކަމެވެ. އަމިއްލަ އީޙްސާސްތައް ފާޅުކުރުމުގައި ފަސްޖެހި އެކަމަށް އޭނަގެ ދޫކުޅަދާނެވެގެންނުވުމެވެ. އެހެންމީހުންގެ އިޙްސާސްތަކާއި ދޭތެރޭ ވިސްނާ ހިޔާލުފާޅުކޮށް އެހީތެރިކަން ފޯރުކޮއްދޭއިރު އޭނަގެ އަމިއްލަ ދިރިއުޅުމުގެ ހާލަތުވަނީ ކިހާ ހިސާބަކުކަން އަދިވެސް ޔޫހާ ވިސްނަން ބޭނުންނުވާކަމެވެ.
ޒައުލްގެ އަތުގައި އޮތް ދެލިސްޓަށް ބަލަމުންދިޔައެވެ. ދެކަރުދާހުގެ މައްޗަށް އެކުލަވާލެވިފައިވާ ލިސްޓުގައި ވަނީ މުވައްޒަފުންގެ ނަންތަކެވެ. ގިނަ ނަންތަކަކީ ކިޔާލަން ފަސޭހަ ނަންތަކަށްވިޔަސް މީގެ ކުރިން އޭނައަށް އެއީ އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންކަމެއް އެނގިފައެއްނުވެއެވެ. އެނގުން އެހާ މުހިއްމުވެސް ނުވަނީއެވެ. ދެންއޮތީ މާދަމާ ރޭގެ ހަފްލާއަށް އައުމަށް ދައުވަތު އެރުވިފައިވާ މެހެމާނުންގެ ނަންލިސްޓެވެ. ޒައުލްގެ ފިރިހެންވަންތަ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއްވެރިކުރުވިއެވެ. ބޭނުންވާގޮތަށް ހުރިހާ ކަމެއް ކުރިއަށްދާކަމީ ޒައުލްއަށް އިޙްސާސްކުރެވެމުންދިޔަ ހިތްހަމަޖެހުމުގެ އަސްލެވެ. އަދި އޭނަގެ ގާބިލުކަމާއިމެދު އަމިއްލަ ނަފްސަށްވެވޭ ފަހުރުވެރިކަމެވެ. ފަހަތުގައި ބްލައިންޑްސްގެ ފަރުދާއަކުން ނިވާކޮއްލެވިފައިވާ ބިއްލޫރި ކުޑަދޮރާއި ދިމާލަށް ޒައުލް ގޮނޑިއަނބުރާލިއެވެ. އަދި އެއްފަރާތުގައިވާ މިނާފުއްތަކެއްފަދަ ވާފަށަށް ދަމާލުމުން ބްލައިންޑްސްްގެ ދޭތެރެތަކުން ކުޑަދޮރުން ބޭރު ފެންނަންފެށިއެވެ. ބަނދަރުމަތީގެ ހަލަބޮލި މާހައުލު ފެންނަމުންދިޔައެވެ. ޒައުލްއަށް އެމަންޒަރުން އިތުރު ހިތްހަމަޖެހުންތަކެއް ލިއްބައިދިނެވެ. އޭނަގެ ދިރިއުޅުމުގައި ރީތި މަންޒަރުތަކާއި އަގުބޮޑު ފަރުމާތަކުގެ ހެދުންތަކާއި މޮޅު ފެންވަރުގެ ތަންތަނަށް ދިއުމަކީ އޭނަގެ ދިރިއުޅުމުގެ އެއްބައެވެ. އެހެންނަމަވެސް އުމުރުން ހަތާވީސް އަހަރު ވެގެންދިޔައިރު އޭނަގެ ދިރިއުޅުމަށް ޙާއްސަކޮއްލެވޭފަދަ ބައިވެރިއަކު ނާންނަކަމީ އެންމެންވެސް ހައިރާންވާ ކަމެކެވެ. ރީތި އަންހެން ކުދިންނާއި އޭނައާއި ބައްދަލުވެއެވެ. އޭނައަށްޓަކައި މަރުދޭންތައްޔާރަށްވެސް އެތަށް އަންހެން ކުދިންނެއް އެބަތިއްބެވެ. އެހެންނަމަވެސް އަންހެނުންނާއި މެދު އޭނަގެ ހިޔާލު ވަރަށް ތަފާތެވެ. އަންހެނުންނަކީ ފިރިހެނުން ބަލިކަށި ކުރާބައެއްކަމުގައި އޭނަދެކެއެވެ. ކުރިއެރުމަށް އެޅޭ ހުރަހެއްކަމުގައި އޭނަ ދެކުނެވެ. އަންހެނުންނަށް އިތުބާރު ކުރަން ބޭނުންނުވަނީއެވެ. ކޮންމެ އަންހެނަކީވެސް މަކަރުވެރި ހީލަތްތެރިއެކެވެ. ވިހަލާނީ ކޮންވަގުތަކު ކިހިނެތްކަމެއް އެކަކަށްވެސް ނޭގޭނެއެވެ.
ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި ލާއިގާވަނީ ފުންހިޔާލެއްގެ ތެރެއަށްގެއްލިފައެވެ. މެޔާއިދިމާލުން އަތްހުރަސްކޮއްލަމުން އަނެއްއަތުން ތުންފަތުގައި އިނގިލިތައް ޖައްސާލައިގެން ހުރިއިރު އޭނަ ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައިވާކަން އެނގެއެވެ.
“މަންމާ…އީލާކް ފުރުމުގެ ހުއްދަ ދެއްވިއްޔާކަންނޭގެ ރަނގަޅުވާނީ، އަޅުގަނޑަކަށްވެސް ނޭގެ އޭނަގެ ހިޔާލު އެހެންކުދިންނާ ތަފާތުވާންވި ސަބަބެއް، އޭނަގެ ވިސްނުން…” މަންސޫރު ފުންނޭވާއެއް ބޭރުކޮއްލިއެވެ.
“އޭނަގެ އެހެރީ ޒާރާނާގެ ގޮތް…އެގޮތްދޫ ނުކުރުން…” ލާއިގާ ހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.
“މަންމާ…މިގޭގެ ހަތަރުފާރުގެ ތެރޭ އެނަންވެސް ނުގަތުމަށް އެދިލެއްވީ ހަމަ މަންމަ، ދެން މިއަދު ކުއްލިއަކަށް އޭނަގެ ވާހަކަދައްކަވަން ތިއުޅުއްވަނީ ކީއްވެތޯ” މަންސޫރުގެ ނިތަށް ރޫއަރުވާލީ ހިތްހަމަނުޖެހުނުވަރުންނެވެ.
“އެކުދިންގެ ހުރިހާ ކަމެއް އަހަރެން ބެލެހެއްޓިކަމުގައިވިޔަސް، މަންމައެއްގެ ލޯބި އަހަރެން ދޭނީ ކިހިނެތް، އަހަންނަކީ އެކުދިންގެ މާމައޭ، އަހަރެންގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އެކުދިން ދެކެ ލޯބިވަން، އެހެނަސް ޒަރާނާއަކީ އެކުދިންގެ މަންމަކަން އަހަރެން ހަނދާންނައްތާލާނީ ކިހިނެތް، އަހަރެން އަދިވެސް ހަނދާންއެބަހުރި ކައިވެނި ހެދުމުގައި މަންސޫރު ޒަރާނާ މިގެއަށް ގެނައި ރޭމަތިން…އޭނަގެ މޫނުމަތިން ފެނުނު މައުސޫމުކަމާއި އޯގާތެރި ބަލާލުން، ބޮޑުކޮޓަރީގައި އެހަރަ ބޮޑު ފޮޓޯ ލޯގަޑުން މިއާއިލާ ފެންނައިރު ކިތަންމެހާވެސް ފުރިހަމަ، އެކަމަކު އެކުދިންނަށް ޒާރާނާގެ ލޯތްބެއް ހޯދައެއްނުދެވުނު، އަހަރެން އަދިވެސް އޭނައަށް ނަފުރަތު ކުރަން، އީލާކްގެ ފަރާތުން އެފަދަ ކަންތައްތައް ފެނުމުން އަހަރެންގެ ހިތްކުދިކުދި ވާހާވޭ، އެދަރިފުޅަށް އޭނަގެ މަންމައަކީ އެފޮޓޯ ލޯގަނޑުން ފެންނަ އަންހެންމީހާ، ނަމަކީ ޒަރާނާކަންވެސް އެނގުނީ އުމުރުން ހަތްއަހަރުގަ، އަދިވެސް އެއީ ދުނިޔޭގެ ކޮންތާކު އުޅޭ މީހެއްކަމެއް ނޭގޭ…ޒަރާނާވެސް ކެތްގަދައޭ ބުނެވޭނީ، އޭނަގެ މައިވަންތަ ލަގޮނޑިއަށް ކެތްވާތީތާ ބާވީސް އަހަރުވޭތުވެގެން ދިޔައިރު އެންމެ ކުއްޖެއްވެސް ދެކިލަން ނައީ…” ލާއިގާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
“ބާވީސް އަހަރުވެސް ވޭތުވެގެން ދިޔައީނު، އޭނަ އެނބުރި އަޅުގަނޑުމެންގެ ގާތަކަށް ނާންނާނެ، އަޅުގަނޑު އިތުރަށް އިންތިޒާރު ކުރާކަށްވެސް ބޭނުމެއްނޫން…މިހާރު އެދުވަސް ހިނގައްޖެ، އަޅުގަނޑުގެ ދަރިން ބޮޑެތިވެ ރަނގަޅު ކުދިބަޔަކަށްވެއްޖެ، މަންމައެއް ނެތުމުގެ އުނިކަން އެކުދިންނަށް އިޙްސާސް ވިޔަކަނުދެން، ވީއިރު މިއަދު އެކުދިން އެމީހުންގެ މަންމައަކަށް ބޭނުމެއްނުވާނެ، އެއީ ހަމައެކަނި އަޅުގަނޑުގެ ދަރިން، އިލާކްގެ ޒަރާނާ އާއި އެއްގޮތް އެއްވެސް ކަމެއްނުހުރޭ…” މަންސޫރު ފަޓުލޫނު ޖީބުގެ ތެރޭއޮތް އޭނަގެ ދެއަތްތިލަ މުއްކަވާލަމުން ބުނެލިއެވެ. އަދި އެނބުރި އެތަނުން ދުރަށް ދިއުމަށް އަވަސްވެގަތެވެ.
ލާއިގާ އީލާކްގެ ކޮޓަރީގައި ޓަކިދިނުމަށް އަތްހިއްލާލާފަވެސް ތިރިކޮއްލީ ހިޔާލު ބަދަލުވިކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އެކޮޓަރިން ގޭގައި ގެންގުޅޭ އާނާ ނުކުތީ ލާއިގާ އެނބުރިލިވަގުތުއެވެ.
“ލާއިގާ މެޑަމް…” އާނާއަށް ދޮރުމަތީހުރި ލާއިގާ ފެނި ސިހިފައިބުނެލެވުނެވެ.
“އީލާކް ކޮޓަރީގަތަ؟” ލާއިގާ ކޮޓަރިއަށް އަތުން އިޝާރާތްކޮއްލަމުން އަހާލިއެވެ.
“ލައްބަ” އާނާ އަވަސް އަވަހަށް އެއްފަރާތަކަށް ޖެހެމުން ލާއިގާ ވަނުމަށް ތަންދެއްކިއެވެ.
“ދަރިފުޅާ…އީލާކް…މާމަ މިކޮޓަރިއަށް ވަދެލަންތަ” ލާއިގާ ހުއްދައަށް އެދުނީ އީލާކްގެ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
“މާމަ ބޭނުމިއްޔާ ކޮޓަރިއަށްވަދޭ” އީލާކްގެ އަޑުއިވުނެވެ.
“ފޮށި ތައްޔާރުކުރަނީތަ؟ ކިހާ ދުވަހަކު އަމިއްލަވަޒަނުން ބޭރުގައި އުޅެފީމުތަ، ދެން އާއިލާ އާއިއެކު ހޭދަކުރަން ލިބުނު ދުވަސްތަކުގެ އަގުހުރި ބޭނުންނުހިފާ އެހާ އަވަހަށް ފުރަނީތަ” ލާއިގާއަށް ފޮށިތައްޔާރު ކުރަމުންދިޔަ އީލާކް ފެނުމުން އަހާލެވުނެވެ.
“ލައްބަ…” އީލާކް ޖަވާބު ކުރުކޮއްލިއެވެ.
“ކީއްވެ، އީލާކްގެ ރަޙުމަތެރިންނާއި ބައްދަލުކުރަން ނުފޮނުވީމަތަ؟ އެކަމާ އަދިވެސް ހިތްހަމަ ނުޖެހިފަތަ؟” ލާއިގާ އަހާލިއެވެ.
“މާމައަށް ހުރިހާ ކެމެއް އެނގިލައްވާއިރު ކީއްވެތޯ ތި ސުވާލު ކުރައްވަނީ، އަޅުގަނޑު ބޭނުމީ ފުރަން، މިގެއާވެސް ދުރަށްދާން” އީލާކްގެ ޅަކަން އަދިވެސް ނުފިލާކަން ލާއިގާއަށް އެނގެެވެ.
“މާމަ ވަރަށް ދެރަވާނެ ދަރިފުޅު އަނެއްކާވެސް ފުރައިގެން ދިޔައީމަ، ނިކަން ރުޅިމަޑުކޮއް މާމަ ދައްކަން މިއުޅޭ ވާހަކަ އަޑުއަހާލަބަލަ، ތިމަސައްކަތް އެހަށް ބަހައްޓާލާފައި މާމަގެ ގާތުގައި އައިސް އިށީނދެބަލަ” ލާއިގާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.
އީލާކް ކިތަންމެ ގޮތްދޫނުކުރިކަމުގައި ވިޔަސް ލާއިގާ އާއި ދެކޮޅުވެރިވާކަށް ނުކެރެއެވެ. ހަގީގަތުގައި އޭނަ ލާއިގާއަށް ވަރަށް ގަދަރުކުރެއެވެ ލާއިގާ ދެކެ ލޯބިވެއެވެ. އެ އިޙްސާސްތައް ފާޅުކުރުމަށް އޭނައަށް ދަތިވަނީއެވެ. އެހެނީ މީހުންގެ ކުރިމަތީ އޭނަގެ އިޙްސާސްތައް ފަރުދާކޮއްލެވިފައިވަނީ އޭނަގެ ޅަމިޒާޖު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އީލާކް އިސްޖަހާލައިގެން ކަހަލަ ގޮތަކަށް ހުރެގޮސް ލާއިގާގެ ގާތުގައި އިށީނެވެ.
“އީލާކް، މާމަވެސް ހިތްހަމަ ޖެހޭނެ ދޯ ދަރިފުޅުގެ ރަޙުމަތްތެރިން މިގެއަށް އައިސް ފެނިދެނެވި ވީމާ، އޭރުން އެކުދިންގެ ގޮތްވެސް މާމައަށް ހުންނާނީ އެނގިފައެއްނު، މާމައަށްވެސް އެނގޭ ޒަމާން ބަދަލުވެއްޖެކަން، އެކަމަކުވެސް އަންހެނުން ވާނީ އަންހެނުންނަށް، ހަމައެގޮތަށް ފިރިހެނުންވާނީ ފިރިހެނުންނަށް، ދަރިފުޅުމެން އަދި ޅަވާނެ، މަސްދުވަސްވޭތުވެގެން ދިޔައިރުވެސް ތިއުޅެނީ މާމަ އާއި ދުރުގައި، މާމައަށް އެނގޭ ދަރިފުޅު މާމަ އާއި ވާހަކަދައްކަން ބޭނުންނުވަނީކަން، އެހެންވެކަން މާމަ ފެންނަ ހިސާބަށް އައިސް ނަހަދަނީ، އެކަމަކު އެއީ ރަނގަޅު ގޮތެއްނޫން، އަހަރުމެންގެ ދީނުގައިވެސް އެކަކުއަނެކަކުދެކެ ރުޅިއައިސް ވާހަކަނުދައްކާ ގިނަ ދުވަހު ނުތިބުމަށްވަނީ އަންގަވާފައެއްނު، މާމަ ދަރިފުޅުގެ މިނިވަންކަމާ ބެހޭކަށްނެތިން، އެކަމަކު އާއިލާގެ އިސްމީހާގެ ހައިސިއްޔަތުން އާއިލާގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ މިއަދު މާމަގެ ޒިންމާއެއް، މިހާރު މިއާއިލާއަކީ މާލޭގެ ހުރިހާ އެންމެންކަހަލަ ގޮތަކަށް ދަންނަ އާއިލާއެއް، ވީއިރު ގިނަބައެއްގެ ލޯތަށް މި އާއިލާއަށް އަމާޒުވެފައިވޭ، އެކަންތައްތަކަށް ވިސްނާލުން މުހިއްމު، ރަޙުމަތްތެރިން ހިޔާރު ކުރުމުގައި ފެންވަރުގެ ތަފާތަށް ނުބެލިކަމުގައިވިޔަސް، ރިވެތި އަޙްލާގެއް ލިބިފައިވުން މުހިއްމު…މާމަގެ ވާހަކަތައް މާދިގުވެއްޖެ…ދަރިފުޅު މިކަހަލަ ވާހަކަތައް އަޑުއަހަން ބޭނުންނުވިޔަސް، މާމައަަށް ދެއްކޭނެ…މާމަ ދޫކޮއްފަ ނުދޭ…ސެޓްފިކެޓް ދޭ ދުވަހަށް ފުރަންވަންދެން މިކޮޅުގަ މަޑުކޮއްދީ…” ލާއިގާގެ އަޑުގައިވާ އާދޭސް އީލާކްއަށް އިހްސާސްވިއެވެ.
“މާމަ އެދިލެއްވީމަ ނޫންތޯ އަޅުގަނޑުގެ ރަޙުމަތްތެރިން މިގެއަށް ގެނެވޭނީ، މާމަ އަޅުގަނޑަށް އިތުބާރު ކުރައްވަންވާނެ އެއްނު، އަޅުގަނޑަށް ރަނގަޅު ގޮތާއި ގޯސް ގޮތް އެނގޭ މިހާރު، އަދި މިއާއިލާ އާއި ޕަބްލިކާ އޮތްގުޅުންވެސް އެނގޭ…މާމަ ޔަގީންތޯ އަޅުގަނޑު ނުފުރާ މަޑުކޮއްފިއްޔާ އަޅުގަނޑުގެ ރަޙުމަތްތެރިންނާއި ބައްދަލުކުރައްވާނަންކަން؟” އީލާކް ބުނެލިއެވެ. މިހާރު އޭނަ ފެންނަ މީހަކަށް އޭނަ ހުރީ ލާއިގާދެކެ ހިތްހަމަ ނުޖެހިފައޭ ބުނާކަށް ނުކެރޭނެއެވެ. އީލާކް އެހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލާ ލާއިގާގެ ވާހަކަތަށް ގަބޫލުކުރީ ކަންނޭގެއެވެ.
“ހޫމް…ދަރިފުޅުގެ ރަޙުމަތްތެރިންނާ މާމަ ބައްދަލު ކުރަން މިހިރީ ތައްޔާރަށް، ކުރިންވެސް މިގޮތް އޮތެއްނު، މާމައަށް އެއްޗެއް ބުނެވޭނީ ދަރިފުޅު މާމައަށް ވަގުތު ދިންނަމަތާ” ލާއިގާ ހިނިތުންވެލަމުން ބުނެލިއެވެ.
“އަޅުގަނޑު ބޭނުންވަނީ މާދަމާގެ މެންދުރު ކެއުމުގައި އަޅުގަނޑުގެ ރަޙުމަތްތެރިން ބައިވެރިކުރަން، އެންމެ ރަނގަޅުތޯ މާމާ” އީލާކް އުފަލުންގޮސް ލާއިގާގެ ކައިރީގައި އިނދެފައި ފުއްމައިގެން ތެދުވިއެވެ.
“ދަރިފުޅު ބޭނުންގޮތެއް، މާމަ ހުރިހާކަމެއް ތައްޔާރުކޮއްދީފަ ބަހައްޓާނަން” ލާއިގާ ބުނެލިއެވެ. އީލާކް ލާއިގާގެ ކޮނޑާ ކޮނޑު ޖައްސާލިއެވެ.
ހަވީރުގެ އިރުއޮއްސެމުންދިޔަވަގުތެވެ. ލޮނުޒިޔާރަތްކޮޅު ތިނެސްކަން ގާކައިރިން އަފްލީން ކުޑަކުޑަ ކިޔާންގެ އަތުގައި ހިފާލައިގެން ހިނގަމުންދިޔައީ އެއްގަމާދިމާލަށެވެ. އޭނަގެ ކަންފަތުގައި ޖަހާލެވިފައިވާ ފޯނުން ހިނިއައިސްފައި ހުރެ މީހަކާ ވާހަކަދައްކަމުންދިޔައެވެ. އިރުއިރުކޮޅާ ކިޔާންއަށް ބަލާލައެވެ. ވަކިހިސާބަކަށް ގޮސް ޕޭމަންޓުމަތީ އެއްފަރާތެއްގައި މަޑުކޮއްލަމުން އަތުގައި އޮތް ފޯނު ކިޔާންގެ ކަންފަތުގައި ޖައްސާލަމުން ކިޔާންއާއި ވާހަކަދެއްކިއެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން އިވެމުންދިޔަ ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުތައްވެސް އެމީހުންނާއި ހަމައަށް ނުފޯރާކަހަލައެވެ.
ގޭތެރޭގައި ކުރާނެ މާގިނަކަންތައްތަކެއް ނެތުމާއިއެކު ޒަރާނާ އޭނަގެ ރަޙުމަތްތެރިންނާއިއެކު ވާހަކައިގައި އިނީ ގޭގެ ހުސްކޮށްއޮތްބައިގައި ބަހައްޓާފައި ހުރި އުނދޯލީގައެވެ. ދުރަށް ހެއްލާލައިފިނަމަ ޖެހޭހާ ކައިރީގައި ބަގީޗާތަކުގައި ބަހައްޓާފައި ހުންނަފަދަ ދަގަޑުމޭޒަކާއި ވަށައިގެން ހަތަރު ގޮނޑި ބަހައްޓާފައިވިއެވެ. ކުދި މުށިތަކުގައި އިންދާފައިވާ މާގަސްތަކާއި ބިމުންމައްޗަށް ހެދިފައިވާ އެކިވަރުގެ ގަސްތަކުން މާހައުލަށް ފެހިކަންވެރިކުރުވާފައިވެއެވެ. އިރުއޮއްސެމުންދިޔަވަރަކަށް ފަޒާގައި ފިނިކަމެއްހަރުލަމުންދިޔަކަން ޒަރާނާއަށްވެސް އިޙްސާސްކުރެވުނެވެ. މުޅިގެއިންވެސް އޭނަ އެތަނެއްގައި އެންމެ ގިނަވަގުތު ހޭދަކުރާ ތަނެއްކަމުގައި އެކުޑަކުޑަ ބަގީޗާ ވާނެއެވެ. ޒާރާނާ އާއި އޭނަގެ ރަޙުމަތްތެރިންގެ މެދުގައި ދެކެވެމުންދިޔައީ މުޅިންވެސް މީހުންގެ ވާހަކަތަކެވެ. މީހުންގެ ތެރޭ އެބައެއްގެ ނަންކިޔާލެވޭ މުއްސަނދިންގެ ވާހަކަތަކެވެ. ޒަރާނާ އެކަމާ ގަޔާނުވިއެއްކަމަކު އޭނަ އެމީހުންގެ ވާހަކަތައް ހުއްޓުވާކަށްވެސް މަސައްކަތެއްނުކުރެއެވެ. އޭނަގެ ކަމަކީ އެމީހުން ދައްކާ ވާހަކަތައް އަޑުއެހުމެވެ. ނެރޭ ނޫސްތަކަށްވުރެ އެމީހުންގެ ހަބަރުތައް ތާޒާއެވެ. ހައިރާންވާކަމަކީ އެފަދަ ހަބަރުތައް އެމީހުންނަށް ލިބެންވީގޮތެވެ.
ރޭގަނޑުގެ ކެއުމުގައި މަންސޫރުގެ އާއިލާ ބައިވެރިވަމުންދިޔައިރު ލޫލުއާ ވީ ޑިއުޓީގައެވެ. އީލާކްގެ އަނގަ ހިނދުކޮޅަކަށްވެސް ހުއްޓާނުލައެވެ. އިރުއިރުކޮޅާ ލާއިގާ އޭނައަށް ކާމޭޒުމަތީގެ ރީތި އާދަތަށް ހަނދާންކޮއްދެމުންދިޔައީ އެއްވެސް ހަރުކަށިކަމެއްނެތިއެވެ. މަންސޫރު އާއި ޒައުލް އީލާކްގެ ވާހަކަތައް ޝައުގުވެރިކަމާއިއެކު އަޑުއަހަމުންދިޔައެވެ.
“އީލާކް…މާމަ ބުނަމެއްނު ކަމުން ވާހަކަ ނުދައްކާށޭ، އަނގަ ހުސްކޮއްލާފަ ނެވާ ލާފަ ވާހަކަ ދައްކަބަލަ، އެކަކުވެސް ލަސްވެގެން ނޫޅެއެއްނު” ލާއިގާ ހަނދާންކޮއްލަދިނެވެ.
ރޭގަނޑުގެ ނުވައެއް ޖަހާލަންވި އިރަށް އީލާކް ޒައުލްގެ ފަހަތުން ދުރަށްގޮސް އޭނަގެ ކޮޓަރީގައި އަމިއްލަ މަސައްކަތުގައި މަސްޢޫލުވިއެވެ. އޭރު ބޮޑުކޮޓަރީގައި މަންސޫރު އާއިއެކު ލާއިގާވެސް ޓީވީ ބަލަން އިނެވެ. ޒައުލް އޭނަގެ ކޮޓަރިއަށްވަދެ ހިފައިގެން އައި ލިސްޓު މަންސޫރަށް ދިއްކޮއްލަމުން ވަކިން އިން ސޯފާގޮނޑީގައި އިށީނެވެ.
“ތީ ފުރިހަމަ ލިސްޓު، ބައްޕަ އެދިލެއްވި ގޮތަށް، މާމަވެސް ބައެއް ނަންތައް އިތުރުކުރެއްވި، ދެން ހުރި ނަންތައް ހިމަނާފައިވާނީ އަޅުގަނޑު…މިހާރު ހުރިހާ ކަމެއް ނިމުނީ، ދައުވަތު ކާޑުވެސް އެފަރާތްތަކަށް އެރުވިފައިވާނީ…” ޒައުލް މަންސޫރަށް ދިއްކޮއްލި ކަރުދާސްތަކުގެ ތަފްޞީލް ކިޔާދިނެވެ.
“ހުޅުމާލެ ޕްރޮޖެކްޓުގެ ޚަބަރު ދަރިފުޅު ބަލާލިންތަ” މަންސޫރު އަހާލިއެވެ.
“ލައްބަ، އަޅުގަނޑު ފޯނުން އެކަންކުރިއަށްދާގޮތް އޮޅުންފިލުވިން، ކުރިއަށް ރޭވިފައިމިވާ ހަފްލާ ނިންމާލުމަށްފަހު އެކޮޅަށް ގޮސް މަސައްކަތްކުރިއަށް ދާގޮތް ބަލާލާނަން، ބައްޕާ، އަޅުގަނޑާއިއެކު އެހަފްލާގައި ބައްޕަވެސް ހުންނަވަން ވާނެ ނޫންތޯ، ކީކޭތޯ މާމަ ބުނުއްވަނީ؟” ޒައުލްއަށް ލާއިގާގެ ނިންމުމާ ދެކޮޅުހަދަން މަންސޫރުއަށް ނުކެރޭނެތީ އަހާލިއެވެ.
“ބައްޕަ ތިފަދަ ހަފްލާތަކަށް ދިޔަދުވަސްވަރު ދިޔައީމެއްނު، އެކަމަކު މިހާރު ދަރިފުޅު ތިހިރީނު ބައްޕަގެ ބަދަލުގައި، ކުންފުނީގެ އުއްމީދީ އާމޫނު…” މަންސޫރު ހިނިތުންވެލަމުން ބުނެލިއެވެ. އެކަމަކު އެޖަވާބުގައި ހަފްލާއަށް ދިއުމުގެ ޝައުގުވެރިކަން މަންސޫރުގެ ނެތްކަން ޒައުލްއަށް ހާމަވެގެންދިޔައެވެ.
“މަންސޫރު، ޒައުލް އެބުނަނީ މުޅިއަކުން ގޯސް ވާހަކައެއްނޫން، އޭނައަކީ ކުންފުނީގެ އާމޫނުކަމުގައިވީއިރު އަދިވެސް ނުދަންނަ މީހުން ވަރަށް ގިނަވާނެ، އެކިދާއިރާ ތަކުގެ އިސްވެރިންނާއި ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުޞަތެއްމީ، މަންސޫރު ޒައުލްގެ ގާތުގައި ހުރެ މަގުދެއްކުން މުހިއްމު، އެމީހުންނަށް މަންސޫރުގެ ބަދަލުގައި ކުންފުނި ހިންގަން ހަވާލު ކުރެވުނު ފަރާތުގެ ފުރިހަމަ ތަފްޞީލާއި، އޭނަގެ ގާބީލުކަން ބަޔާންކޮއްދެވޭނީ ހަމަ މަންސޫރަށް…” ލާއިގާ އޭނަގެ ގާތުގައި ސޯފާގައި އިން މަންސޫރު އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ވާހަކަދެއްކިއެވެ.
“މަންމަ ތިއެދިލައްވަނީ އަޅުގަނޑު އެހަފްލާއަށް ދިއުމަށް، އެހެންނޫންތޯ…” ހިނިއައިސްފައި މަންސޫރު ބުނެލިއެވެ. ލާއިގާގެ ވާހަކަދެއްކުން ހުންނަގޮތް އޭނައަށް ރަނގަޅަށް އެނގެއެވެ. ޒައުލް އެކަމަކަށް އެދިއްޖެނަމަ އޭނައަށް ކުރެވޭވަރުގެ ކަމެއްވެއްޖެއްޔާ އެކަމެއްކޮއްދެއެވެ.
މަދިރިގޭގެ އެއްބައި ހިއްލާލާފައި ހުރިއިރު ޒައުލް އެނދުގައި ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ. މާދަމާ އަކީ ބޮޑު ދުވަހަކަށްވެފައި އަރާމު ނިންޖެއް ލިބުން އެހުރިހާ ކަމެއް ފަސޭހަ ކުރުވާނެކަން ގައިމެވެ. ސެޓިންގެ ޝީޓުގައި މަޑުބާލީސްތަކުގެ ތެރެއަށް ގެބިގެންދާން އޭނަ މަސައްކަތްކުރާފަދައެވެ. ގިނައިރެއްނުވެ އޭނަގެ ދެލޯމެރި ގަދަނިދީގެ ތެރެއަށް ފީނައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތް ތުއްތުކުއްޖަކު ފަދައިންނެވެ.
ޔޫހާ ނިތުގައި އަތްބާއްވާލައިގެން ނުނިދިފައި އޮތެވެ. ވަށައިގެންވާ ހަތަރުފާރާ ކޮޓަރީގެ ހުސްކަން އޭނައަށް އުނދަގޫ ކުރަނީ ކީއްވެކަމެއް ނޭގެެވެ. ހިތުގައި ނުފިލާވާ ރިހުން ހަމައެކަނި ނިދާގަޑީގައި އިޙްސާސް ކުރެވެންވީ ކީއްވެހެއްޔެވެ. އެކަނި ނުވާނެކަން ޔަގީންވާއިރުވެސް އެކަނިވެރިކަން އިޙްސާސް ކުރެވެނީ ކީއްވެހެއްޔެވެ. ހިޔާލުކުރަން ބޭނުންނުވިއެއްކަމަކު އެހިޔާލުތަކުން ސިކުނޑި ފުރި ބާރުވެގެންދަނީ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރުކުޑަކޮށް ކަނޑުވާލަމުންނެވެ. އެހެންވާކަށް ޔޫހަ ބޭނުމެއްނުވެއެވެ. ރޯން ބޭނުންނުވާއިރު ޔޫހާގެ ލޮލުގެ ކޮޅުން ކަރުނަތިކި ފައިބައިގެން ދަނީ ކީއްވެހެއްޔެވެ. އަބަދުވެސް ކުރެވޭ ސުވާލުތަކެވެ. ޖަވާބު ހޯދަން ބިރުގަނެ ޖެހިލުންވާ ސުވާލުތަކެކެވެ. އެކަމަށް ބީރުކަންފަތެއް ދެނީ އެހެންވެއެވެ. ޔޫހާ ދެލޯމަރާ ބާރުކުރަމުންދިޔައެވެ. ސިކުނޑީގައިވާ ހިޔާލުތައް ނެރެ އެކަމާ ދުރުވާން އޭނަ ބޭނުންވެފައިވެއެވެ. ފުންނޭވާއަކާއިއެކު ދެލޯ ހުޅުވާލީ އެކަން ކާމިޔާބު ނުވެގެންނެވެ. އެނދުން ތެދުވެ ކޮޓަރިން ނުކުތެވެ. އަދި އައިސްއަލަމާރިކައިރިއަށް ޖެހިލަމުން ފެންތައްޓެއް އަޅާލުމަށްފަހު ތަށިހިފައިގެން ކާމޭޒުކައިރީ އިށީނދެލިއެވެ. މަޑުމަޑުން އިނދެގެން ފެންތަށިބޮމުންދިޔަ ޔޫހާ ސިހިގެންދިޔައީ ޝާއިންގެ ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ.
“ޔޫހާ….މިރޭވެސް…ފެންފުޅިއެއް އެނދަށްލައިގެން އޮވެ ނިދަން މަށަށް ފެންނަނީ…” ޝާއިން ދިމާކޮއްލާފަދަ ރާގަކަށް ބުނެލިއެވެ.
“ހޫމް…ހޫމް…ތިހެން ބުނާއިރު ޝާއިންވެސް ބޭރަށް ނުނިކުންނަ ރެއެއް ނުދެއެއްނު، ފެންފުޅިއެއްނޫން ޝާއިން ކޮޓަރިއަށް ވައްދަންވީ، އައިސްއަލަމާރި ހުރިގޮތަށް ތިކޮޓަރިއަށް ވައްދަންވީ” ޔޫހާގެ ނުތަނަވަސްކަން ފޮރުވާލަމުން ވާހަކަދެއްކިއެވެ.
“ނުނިދިގެންތަ ތިއުޅެނީ، މާދަމާ ހެނދުނު ޑިއުޓީއެއްނު ނަގަން އޮތީވެސް، މިހާރު އެއޮތްގެން ދޭއްޖަހަނީ” ޝާއިން ބުނެލިއެވެ.
“ނޫނޭ، މިފެންތަށި ބޯލައިގެން ނިދަންމިވަންނަނީ، ގުޑްނައިޓް” ޔޫހާ ޝާއިންގެ ސަމާލުކަން ހޯދަން ބޭނުންނުވުމާއިއެކު ފެންތަށި ބޯލައިގެން ކޮޓަރިއަށް ވަނުމަށް އަވަސްވެގަތެވެ. ޝާއިން އިތުރަށް އެއްޗެއް ބުނާކަށް ގަސްދެއްނުކުރިއެވެ. އޭނަވެސް އަތުގައި އޮތް ފެންހުސްކުރި ފުޅި ތިރީކަބަޑުސެޓުމަތީ ބަހައްޓަމުން އާފެންފުޅިއެއް އައިސްއަލަމާރިން ނަގައިގެންވަނީ ކޮޓަރިއަށެވެ.
މުޅިންއާދުވަހެކެވެ. އިރުގެ އަލިން ދުނިޔެމަތި ދޮންކޮލެވިފައިވެއެވެ. އާދައިގެ މަތިން ޒައުލް އޭނަގެ އޮފީހަށް ދިޔައީ ނުވައެއްވެސް ޖެހިފަހުންނެވެ. ނަމަވެސް އޮފީހަށް ވަދެވުމާއިއެކު އޭނަގެ ޒިންމާތަކަށް ހާއްޞަ ސަމާލުކަމެއްދިނުމާއިއެކު މަސައްކަތްފެށީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ހަމައެގޮތުން ގިނަ ކަންތައްތަކެއް ފޯނުންވެސް ނިންމަމުންދިޔައެވެ.
“މިއަދު ހާދަ ގިނަބަޔަކު އިންވެއްޖެޔޭ ދޯ…” ޔޫހާ އޭނަ އާއިއެކު ޑިއުޓީގައި ހުރިކުއްޖާއަށް ބުނެލިއެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް ހެނދުނު ޑިއުޓީ ނަގަންޖެހުނީ ރިޔާޝާ ނޫނީ މާޔާ އާއިއެކުއެއް ނޫނެވެ. އެރޭ ބާއްވަން ހަމަޖެހިފައިވާ ހަފްލާގައި ބައިވެރިވާ މުވައްޒަފުން ޑިއުޓީ ރޯސްޓަރއިން ނެގުމަށްފަހު ދެންތިބި މީހުންގެ މައްޗަށް ޑިއުޓީތައްވަނީ ބަހާލެވިފައެވެ.
“ރޮޒޭން، މީ އީކް….މިއަދު މެންދުރުގެ ކެއުންއޮތީ އީކްގެ ފަރާތުން…މިގޭގަ” އީލާކް އޭނަގެ ރަޙުމަތްތެރިންނަށް ދައުވަތު އަރުވަމުންދިޔައެވެ. އަދި އޭނަގެ ތަރުތީބުގެއްލިފައިވާ ކޮޓަރި ސާފުކުރަމުންދިޔައީ ގޭގައި ގެންގުޅޭ ކުއްޖާ އާނާގެ އެހީގައެވެ. ކޮޓަރިއެއްހާ ބޮޑު އޭނަގެ އަލަމާރީގައި ތަފާތު މޮޅެތި ބްރޭންޑުތަކުގެ ހެދުމާއި އަތްދަބަހާއި ފައިވާންވެއެވެ. އީލާކްއަށް އެންމެބޮޑު ސަމާލުކަމެއްދެވޭ އެއްތަނަކީ އެއީއެވެ. އޭނަ ކޮޓަރީގެ ކަނެއްގައި ހުރި ފަހާފޮށިވެސް އާނާގެ ގާތުގައި ބުނެގެން އަލަމާރީގެ ތެރެއަށް ލިއެވެ. ރަޙުމަތްތެރިން އަންނަންވާއިރަށް އޭނަ މާމަ ލާއިގާގެ ހިތްރުއްސުމައްޓަކައި ކުރެވެންއޮތްކަމެއް ކުރަން ހުރީ ތައްޔާރަށެވެ.
އެގާރަޖަހާލާކަން ހާއިރެެވެ. އީލާކްގެ ތިންރަޙުމަތްތެރިން ކަމަށްވާ ރޮޒޭން އާއި، ޝުދުފާ އާއި ނަޙުލާ އެމީލީހިޔާގެ ގޭޓުން ވަދެގެން އަންނަތަން ބަލަން އީލާކް ހުއްޓެވެ. އެކުދިން ފެނުމުން ވީއުފަލެއްގެ ބޮޑުކަމުން އަވަހަށް އައުމަށް އަތުން އިޝާރާތްވެސް ކުރަމުންދިޔައެވެ. ތިންކުދިން ފަރިގޮތަކަށް ދުވެލާފައި އީލާކް އާއި ހަމައަށް ދިޔައެވެ.
“ވަޓް އަ ސަޕްރައިޒް…” ޝުދުފާ އިލާކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އަހަރެންގެ ދުވަސްވީ ރަޙުމަތްތެރިންނަށް މިފަދަ ދަޢުވަތެއް ދޭން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ، ފައިނަލީ މާމަ ރެޑީވެއްޖެ އަހަރެންގެ އެންމެ ގާތްތިން ރަޙުމަތްތެރިންނާއި ބައްދަލު ކުރަން…” އީލާކް އޭނަގެ ރަޙުމަތްތެރިން ގޮވައިގެން ގޭތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ.
އީލާކް އޭނަގެ ތިން ރަޙުމަތްތެރިންނާއިވެސް ދިމާވީ ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އީލާކްގެ އާއިލާހާ ނަންމަންޝޫރު ނުވިއަސް އެތިންކުދިންވެސް އައިސްފައިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ އާއިލާތަކުންނެވެ. މުއްސަނދީކަމަކީ ކޮބާކަން އެކުދިންނަށް އެނގެއެވެ. ނަމަވެސް ނަޙުލާގެ ނަޒަރު އެގޭގެ އެއްޗިއްސަށް ހުއްޓެމުންދިޔައީ އާށޯހުވީވަރުންނެވެ. ތިންކުދިންނަށްވެސް އެންމެ ގަޔާވެ އަޖައިބުވެގެންދިޔައީ އީލާކްގެ އަލަމާރި ފެނިފައެވެ. މަޑުފިޔާތޮށި ކުލަ އާއި ހުދުކުލައިން ފާރުތައް ޒީނަތްތެރިކުރެވިފައިވާ އީލާކްގެ ކޮޓަރިއަށް އެތަކެއް ތައުރީފެއް ތިންކުދިންގެ ދުލުން ހުއްޓުމެއްނެތި އޮހެމުންދިޔައެވެ.
މެންދުރުގެ ކެއުމަށް އާއިލާގެ ހުރިހާ މެންބަރުން ސުފުރާމައްޗަށް އެރީ އީލާކް އާއި އޭނަގެ ރަޙުމަތްތެރިންނަށް މަރުހަބާ ކިޔަމުންނެވެ. އީލާކްގެ އުފާވެރިކަން ފާހަގަކުރެވުނީ ހަމައެކަނި ލާއިގާއަކަށް ނޫނެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް ސުުފުރާމަތީ ތަންކޮޅެއް އަޑުގަދަވިއެވެ. އީލާކްގެ ރަޙުމަތްތެރިންތިބީ އޭނަގެ ޑޮކްޓަރ ދައްތަ އާއި ޒުވާން ރީތި ބޭބެ ޒައުލްއާއި ބައްދަލުވެވުނީތީ އުފަލުންނެވެ. ޙާއްސަކޮށް ޝުދުފާގެ ނަޒަރު ޒައުލް އާއި ވަކިނުވެއެވެ. ނަޙްލާގެ ނަޒަރު ގޭގެ ޒީނަތްތެރިކަމަށް ގެއްލިފައިވާއިރު ރޮޒޭން ތައުރީފު ކުރަމުންދިޔައީ މާމަ ލާއިގާގެ ކުޅަދާނަކަމަށެވެ. ކައްކާފައި ހުރި އެއްޗެހީގެ ރަހަތައް ފުރިހަމަވެފައި މީރުކަމުން ބުނާނެއެއްޗެއް ނޭގިފައިވާކަމެވެ.
މެންދުރުގެ ކެއުމަށްފަހު ގޭގެ އެކިތަންތަން އީލާކް އޭނަގެ ރަޙުމަތްތެރިންނަށް ދައްކާލީ އެކުދިންގެ އެދުމުގެ މަތިންނެވެ. އެހެންނަމަވެސް ނިދާކޮޓަރިތަކަކަށް އީލާކް ނުވަދެއެވެ. އެނބުރި ކޮޓަރިއަށް ވަނުމާއިއެކު ތިންކުދިންވެސް އީލާކްގެ ހެނދުންތައް ހާވަންފެށިއެވެ. ނަޙުލާ އީލާކްގެ ގަހަނާތަށް އަޅާފައިވާ ފޮށިތައް ބަލަމުންދިޔައެވެ. އަދި ރީތިވާ މޭޒުމަތީ ހުރި ލަކުޑި ގަހުގެ ގޮފިތަކުގައި އެކި ކަހަލަ ކަރުގައި އަޅާ ފަށްތައް އަޅުވައިފައި ހުއްޓެވެ. ރޮޒޭން އެކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ލޯގަނޑު ކުރިމަތީ އީލާކްގެ އަލަމާރިން އޭނައަށް ރީތިހެން ހީވާ ހެދުމެއްވެއްޖެޔާ ހިފައިގެން އައިސް ފަރިބަލަމުންދިޔައެވެ. ޝުދުފާ އީލާކްގެ ކޮޓަރީގައި ހުރި ސޯފާގައި ބަންޑުން ދެއުޅަންބޮށިކޮޅު ސޯފާގައި ޖައްސާލައިގެން އޮތެވެ. އޭނަ އިރުއިރުކޮޅާ އީލާކްގެ ގާތުން ޒައުލްގެ ކޮންމެވެސް ވާހަކައެއް އަހާލާނެއެވެ. ހަމައެގޮތަށް އީލާކް ޒައުލްއަކީ އަންހެން ކުދިންނަށް ޝައުގުވެރިވާ މީހެއްނޫންކަމުގައި ބުނެ އެފަދަ ހިޔާލެއް އޭނަގެ ބޭބެ އާއިމެދު ނުކުރުމަށް އެދެއެވެ.
“ޝާއިން…ކިހާއިރަކުތަ ފަންކްޝަންއޮތީ، ޕްރެސްވެސް އާދޭތަ؟” ބޭރުން ވަދެގެން އައި ޝާއިންގެ ގާތު ޔޫހާ އަހާލިއެެވެ.
“ނޫން، އަންނަކަމަކަށްނެތް…ތަންކޮޅެއް ޕްރައިވެޓްކޮށް ދާތީ ޕްރެސް އިންވޯލްވު ނުކުރަނީހެން ބޮޑަށް ހީވަނީ” ޝާއިން ކައުންޓަރުގެ ކައިރީ މަޑުކޮއްލަމުން ޔޫހާގެ ގާތުގައި ހުރި ކުއްޖާއަށް ނިތްއަރުވާލަމުން ހިނިތުންވެލިއެވެ.
މެންދުރުފަހު ތިނެއްޖެހިއިރު ޑިއުޓީ ނިންމާފަ ޔޫހާ ގެއަށް ދިޔައީ ޝާއިންގެ ސައިކަލު ފަހަތުގައެވެ. ދިޔަ މަގުމަތީ ފިހާރައަކަށްވަދެ ކިޔާންއަށް ކުޅޭކުޅޭ ކާރެއް ގަތެވެ. އެކާރު ފެނުމުން ކިޔާން އުފާވާނެވަރު ޔޫހާއަށް އެނގޭތީއެވެ. ޔޫހާ ޝާއިން އާއިއެކު ގޭތެރެއަށް ރަނގަޅަށްނުވަދެވެނިސް ކިޔާން އައިގޮތަށް އައިސް ޔޫހާގެ ފަޔާހިސާބުގައި ބައްދާލައިފިއެވެ.
“ކޮއްކޮގެ ޕްރެޒެންޓެއް” ކިޔާންއަށް ޔޫހާގެ އަތުގައި އޮތް ކޮތަޅު ފެނުމާއިއެކު ބުނެލިއެވެ. ޝާއިން ކިޔާން އުފުލާލަމުން ޔޫހާ އާއި ދުރުކޮއްލިއެވެ. އަދި ކިޔާންއާއި ސަމާސާ ކުރަންފެށިއެވެ.
“ނޫން، އެއީ ޝައިން ބޭބެގެ ޕްރެޒެންޓެއް…” ޝާއިން ކިޔާން އުރާލައިގެން ހުރެ ބުނެލިއެވެ. އަދި އެ ކުޑަކުޑަ މޫނުން ދޮންނަގަމުންދިޔައެވެ. ކިޔާން ޝާއިންގެ މޫނު ދުރަށްލުމަށް ދެއަތުން މަސައްކަތްކުރަމުންދިޔައެވެ.
“މަންމީ….މަންމީ….” ކިޔާން ގޮވަންފެށިއެވެ.
“އަވަހަށް އާދޭ މަންމަ ދަރިފުޅު، މީ ޝައިން ބޭބެގެ ޕްރެޒެންޓެއް ނޫނޭ، މީ މަންމިގެ ކިޔާންއަށް ގެނައި ޕްރެޒެންޓެއެއް…” ޔޫހާ ޝާއިންގެ އަތުން ކިޔާން އަތުލަމުން ބުނެލިއެވެ. ހަތަރު އަހަރުގެ ކިޔާން އޭނަގެ މަންމަގެ ކަރުގައި ދެއަތްއަޅުވާލަމުން ބައްދާލީ ލޯތްބާއެކުގައެވެ. ޔޫހާގެ ހުރިހާވެސް މީހަކީ މިހާރު އެއީއެވެ. އޭނަގެ ދަރިފުޅު ކިޔާންއެވެ. އެދަރިފުޅަށް ރަނގަޅު ތަޢުލީމު ދީ ހެޔޮ ގޮތުގައި ބޮޑުކުރުމަށް އޭނަ ނުހަނު ބޭނުންވެއެވެ. އޭނަގެ ދިރިއުޅުމުގައި ޝާއިން އާއި އޭނަގެ ކޮއްކޮ އަފްލީންގެ ރޯލުވެސް ކުޑައެއްނޫނެވެ. ގްރޭޑް ބާރައިގައި ކިޔަވަމުން ކިޔާންގެ ކަންތައްތައް އޭނަ ބަލަހައްޓާދެނީ އުފަލާއިއެކުއެވެ. އެއްވެސް ބުރަކަމެއްނެތިއެވެ. އަފްލީންއަކީވެސް ޝާއިންފަދަ މާތްއިންސާނެކެވެ. އަގަކާއިނުލާ މިޒަމާނުގައި މީހަކު ކަމެއްކޮއްދޭނެ ހެއްޔެވެ.
ރޭގަނޑު ހަތެއްޖެހިއިރު ޝާއިން ތައްޔާރުވަމުންދިޔައީ ހޮޓެލަށް ދިއުމަށެވެ. ޔޫހާ އާއި އަފްލީން އޭނަގެ ޖެކެޓު ރަނގަޅު ކޮއްދިނުމާއި ކަރުގައި އަޅާފައިވާ ބޯޓައި ރީތިކޮއްދެމުންދިޔައެވެ.
“ވާވު…މިއަދު އަހަރެންގެ ދޮންބެވެސް ސްމާޓްކަން އެނގިއްޖެ، ހާދަ ސަޅިއޭ…މަޑުކުރައްޗޭ” އަފްލީން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ވަނެވެ. އަދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ކެމެރާ ހިފައިގެން އައެވެ. އަފްލީން ޝާއިން ދިއުމުގެ ކުރިން އޭނަގެ ފޮޓޯތައް ހަނދާނެއްގެ ގޮތުގައި ފޮރުވުމަށްޓަަކައި ނަގަމުންދިޔައެވެ.
ޕާރކްވިއު ސެވެންސްޓަރ ހޮޓެލް ދިއްލާލާފައިވާއިރު އެތަށްބައެއްގެ ސަމާލުކަން އެއިމާރާތް ހޯދަމުންދިޔައެވެ. އެތެރެއަށް ވަންނަ ކޮންމެ މީހަކަށް ހުވަފެނީ ކުލަވަރު ޖެހިގެންދާނެކަން ޔަގީނެވެ. ހޮޓެލްގެ ލޮބީގައި ބަހައްޓާފައިވާ އަރާމު ސޯފާތަކާއި އެކިވަރުވަރުގެ މާޓުކުރިތަކުންވެސް އެތަނުގެ ހިތްގައިމުކަން އިތުރުވެއެވެ. ހަފްލާގެ ހުރިހާކަމެއް އެންމެ ފަހުފަހަރަށް ބަލާ ޗެކު ކުރުމުގައި މުވައްޒަފުންތައް ހާސްކަމާއިއެކު އުޅެމުންދެއެވެ. ލޮބީގެ ދެފަރާތުގައި މައްޗަށް އެރުމަށް ހާއްސަކުރެވިފައިވާ ސިޑީގައިވަނީ ރަންކުލަ އާއި ކަޅުކުލައިގެ ފުޅާބޯޑަރު ދެފަރާތުގައި ލާފައިވާ ދޫލައެއް އަޅާފައެވެ. ފެންނަފެނުމަށްހީވަނީ އެރެއަށް ޙާއްޞަކުރިވެގެން އަޅާފައިވާ ދޫލައެއްހެންނެވެ.
ކުއްލިއަކަށް ހުރިހާ ކަމެއް ބަލަހައްޓަމުންދިޔަ ފައުޒީ ހުރިހާ އެޗްއާރު ޑިޕާރޓްމެންޓުގެ ހެޑުންނަށް ބައްދަލުވުމަކަށް ގޮވާލިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޝާއިންއަށް އެނގުނެވެ. މެހެމާނުން ތިބުމަށް ހަމަޖެހިފައިވާ ބޯލްރޫމުގެ އެއްފަރާތުގައި ހުރި ފައުޒީގެ ގާތަށް މީހުން ޖަމާވާންފެށިއެވެ.
“ބައެއްކުދިން އަދިވެސް ނާދޭ، އަޅުގަނޑުގެ އެސިސްޓެންޓު މިކޮޅުން އެސްޓާފުންނާއި ގުޅޭތޯވެސް ބަލައިފިން، މިއޮތީ ލިސްޓު، ކޮންމެ ޑިޕާރޓްމެންޓު ހެޑެއް ލިސްޓު ބަލައްވާ ލައްވާފަ ނާންނަ ސްޓާފަކީ އެބޭފުޅެއްގެ ބެލުމުގެ ދަށުގައިވާ ސްޓާފެއްނަމަ، ވީހާވެސް އަވަހަކަށް ވެގެންއުޅޭގޮތެއް ބައްލަވާ ގާބިލް ސްޓާފަކު ހަމަޖެއްސުން ވަރަށް މުހިއްމު، ބޮސްއަށް މިކަން އެނގިލެއްވުމުގެ ކުރިން އަޅުގަނޑުމެންގެ ވަޒީފާ ސަލާމަތް ކުރުން މުހިއްމުކަންނޭގެ…” ފައުޒީގެ އެޙަބަރުން އެންމެންވެސް ކަންބޮޑުވާގޮތްވިއެވެ. ވަގުތު މިހާ ކުޑަތަންވެފައިވަނިކޮށް އަލުން އާ ސްޓާފަކަށް ހުރިހާ އެއްޗެއް ކިޔާދޭނެ ގޮތަކާއިމެދުވެސް އެންމެން ތިބީ ހާސްވެފައެވެ.
ޝާއިންގެ ލިސްޓުންވެސް އެއްކުއްޖަކު މަދުވެއެވެ. އޭނަގެ އަމިއްލަ ފޯނުން އެސްޓާފާއި ގުޅޭތޯ މަސައްކަތްކުރަމުންދިޔައެވެ. ކަންދިމާވީ ވަރަށްވެސް ދެރަގޮތަކަށެވެ. ސްޓާފްއަށް ގުޅުނެއްކަމަކު އޭނަވަނީ ރޭއްސުރެން ހޮސްޕިޓަލުގައެވެ. މާލޭގެ ކޮންމެވެސް ތަނަކުން ނުގުޅޭ އެއްޗެއް އަޅާފައިވާ ހުރި ކާއެއްޗެއް ކެއުމުގެ ސަބަބުން ވިހަވެގެން އެޑްމިޓް ކުރެވިފައެވެ. ޝާއިން ހަދާނެގޮތަކާއިމެދު ވިސްނަމުން ލިސްޓު ހިފަހައްޓައިގެން ހުރެ ދެކޮޅަށް ހިނގާލެވުނެވެ. އޭނަގެ ސިކުނޑިއަށް އެންމެ ފުރަތަމަވެސް އައީ ޔޫހާގެ ނަމެވެ. ޔޫހާގެ ވިސްނުން ތޫނު ކަމާއި އޭނައަކީ އަވަހަށް ކަންތައްތައް ނަގައިގަންނަށް ފަރާތެއްކަން ޝާއިން ޔޫހާއަށް ވަޒީފާ ދިންއިރުވެސް އެނގެއެވެ. މިވަގުތު އޭނަގެ ވަޒީފާ ސަލާމަތްކޮއްދީ އިތުބާރު ކުރެވޭވަރުގެ މީހަކަށް ހުރީ ހަމައެކަނި ޔޫހާއެވެ.
“ޔޫހާ، ވަރަށް ބޮޑުކަމަކު މިގުޅީ، އަހަރެންގެ ވަޒީފާ ސަލާމަތްކޮއްދެން ބޭނުންނަމަ އަވަހަށް ޓެކްސީއެއް ނަގައިގެން ޕާކްވިއު ހޮޓެލްއަށް އައިސްދީބަލަ…” ޝާއިން ވާހަކަދެއްކީ ވަރަށް އަވަހަށެވެ.
“ކީކޭ…އެކަމަކު…އަނެއްކާ ކިހިނެތްވީ؟” ޔޫހާއަށް ކުރެވުނީ އިތުރު ސުވާލުތަކެކެވެ.
“މިއުޅެނީ ސްޓާފުން ޝޯޓޭޖްވެގެން، ދެން އައީމަ ހުރިހާ ވާހަކައެއް ކިޔާދޭނަން، މިކޮޅުން ޔުނިފޯމްއެއް އަހަރެން ހަމަޖައްސާ ދޭނަން، އަވަހަށް ޓެކްސީއެއް ހޯދައިގެން އާދެބަލަ” ޝާއިންގެ ހާސްކަން ޔޫހާއަށް ވިސްނުނީކަންނޭގެއެވެ. އޭނަ މިދަނީ ކަމުގައި ބުނެ ފޯނުބޭއްވިއެވެ. އަދި ބޮޑުދަބަހަކަށް އޭނަ ބޭނުންވާނެ ހުރިހާ އެއްޗެއް އަޅާލުމަށްފަހު ކިޔާންގެ ގައިގާ ބައްދާލަމުން އަފްލީންއަށް ޝާއިންގެ ހާލަތު ކިޔާދިނެވެ. އަފްލީން އަވަސްވެ ގަތީ ޔޫހާއަށް ޓެކްސީއެއް ހޯދުމަށެވެ.
ޕާކްވިއު ހޮޓެލްގެ ލޮބީގައިހުރި ޝާއިންއަށް ޔޫހާ ފެނުމާއިއެކު އަވަސް ހިނގުމުގައި އޭނަގެ ގާތަށް ދިޔައެވެ. ޔޫހާ ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ޝާއިންގެ ބޮޑެތި އަވަސް ފިޔަވަޅުތަކާއި އެއްވަރުކުރަމުންދިޔައެވެ. އޭނަ ޝާއިން ދައްކަމުންދިޔަ ވާހަކަތަށް ކަނުލާ އަޑުއަހަމުންދިޔައެވެ. ދޭތެރެއަކުން ސުވާލުކޮއްލައެވެ. ކަވަރު އަޅުވާފައިވާ ޔުނީފޯމްތައް ޝާއިން ބަލަންފެށިއެވެ. އަދި ޔޫހާގެ ޔުނީފޯމް ސައިޒު އަހާލިއެވެ. އޭނަ ޔޫހާ ބުނި ސައިޒުގެ ޔުނީފޯމެއްނަގައި ދިއްކޮއްލިއެވެ.
ހޮޓެލްގެ ސްޓާފުންގެ ފާހާނާއަށް ޔޫހާވަނެވެ. އޭނަގެ ދަބަސް ހުޅުވާލުމަށްފަހު މޫނުދޮންނަ ފުޅި އާއި މޭކަޕްގެ އެކި ސާމަނުތައް ނެގިއެވެ. ޝާއިން އެހާ ހާސްވެފައި ހުރިތަންފެނުމުން ޔޫހާއަށްވެސް ހަމަޖެހުމެއްނުލިބެއެވެ. އަނެއްކޮޅުން އޭނައަދި މިކަހަލަ ކަންތައްތަކަށް ވަރަށް އަލެވެ. ދަބަހުގެ ތެރެއިންނެގި ދަތްބޮޑު ފުނަލުން އޭނަގެ ނިއުޅާލެވިފައިވާ ބުޅިއިސްތަށިގަނޑު މައްޗަށް ނަގާ އޮޅާލަމުން ހަރުކޮއްލިއެވެ. މޫނުމައްޗަށް އެއްވެސް އިސްތައްޓެއްނުވެއްޓޭނޭ ގޮތަށެވެ. ރީތިވެނިމުމާއިއެކު ލޯގަނޑު ކުރިމަތީ ހުރެ މެހެމާނުންނާއި ކުރިމަތިލާނެ ގޮތް ކުޑަކޮށް ޕްރެކްޓިސްކޮއްލިއެވެ. އަދި އޭނަ ގެންގުޅުނު ދަބަހާއި އައިއިރު ލައިގެން ހުރި ހެދުން ސްޓާފް ލޮކަރުތަކުން އޭނަ ބޭނުންކުރުމަށް އެރެއަށް ޙާއްސަކޮށް ދީފައިވާ ލޮކަރުގެ ތެރެއަށް ލިއެވެ.
ޔޫހާ ފެނުމާއިއެކު ޝާއިންއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެން ސްޓާފުނާއިއެކު ޔޫހާ ބައިވެރިވިއެވެ. އަދި މެހެމާނުން އަންނަ ގަޑިޖެހިފައިވުމާއިއެކު ކޮންމެ ސްޓާފަކުވެސް އެމީހެއް ހުންނަންޖެހޭ ތަނެއްގައި ބުދުތަކެއްހެން މަޑުކޮއްލައިގެން ތިއްބެވެ. ޔޫހާ ހުރީ ބޯލްރޫމުގެ ތެރޭގައެވެ. އަންނަ މެހެމާނުންނަށް އެމީހުން ތިބުމަށް ހާއްސަކުރެވިފައިވާ މޭޒުތަކަށް ގެންގޮސްދިނުމަށް އެހީތެރިވުމަށެވެ. އަދި އެމީހުން ބޭނުންވެއްޖެ ކޮންމެ ކަމެއް ކޮއްދިނުމަށް ތައްޔާރުވެއެވެ. ލޮބީގައި މަޑުކޮއްލައިގެން ހުރި މަންސޫރުގެ އެއްފަރާތުގައި ޒައުލްވެސް ހުއްޓެވެ. ލައިގެން ހުރި ކަޅު ސޫޓާއިއެކު ރަތްކުލައިގެ ގަމީހެއްލާފައިހުއްޓެވެ. އޭނަގެ ޒުވާންކަން އަންހެން ކުދިންގެ ހިތްތަށް ދީވާނާ ކުރުވާހާވެއެވެ. އަންނަމުންދިޔަ މެހެމާނުންނަށް އޭނަ ދެމުންދިޔަ ފިރިހެންވަންތަކަމުން ފުރިގެންވި ލުއިހިނިތުންވުމާއިއެކު އޭނަގެ ވަރުގަދަ ޝަހުސިއްޔަތު ފެނިގެންދެއެވެ. ފެންނަފެނުމަށް އޭނަގެ ވަނީ ބޮޑާކަމެވެ. ދެއްކުންތެރިކަމެވެ.
ޕާކްވިއު ހޮޓެލްއަށް ވަނުމާއިއެކު ކޮންމެ މެހެމާނެއްގެ މޫނުމަތި އުޖާލާވެގެންދެއެވެ. ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަޒީރުން ފެންވަރުގެ ދެތިން ބޭފުޅުންނާއިއެކު މަންސޫރާއި ޒައުލް ލޮބީގެ އެއްފަރާތުގައި ހުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. އެމީހުންގެ ތެރޭ އެންމެ ފުރަތަމަ ދެކެވުނު ވާހަކައަކަށް އެތަނުގެ ފުރިހަމަކަން ވިއެވެ. އަމިއްލަ ވާހަކަތައް އޮލަވެގެންދިޔައީ އެއަށްފަހުއެވެ.
ބޯލްރޫމުގެމަތީގައި ހަރުކޮއްފައިވާ އާސާރީވައްތަރުޖަހާ ޗާންދަލިއާތަކުގެ އަލި އޭގައި އެލުވާފައިވާ ބިއްލޫރިކޮޅުތަކުގެ ތެރެއިން އެތަނުގައި ހަލަބޮލިކަމާއިއެކު އުޅޭ އެންމެގެ ގަޔަށާއި ފާރުތަކަށް އެޅެމުންދިޔައެވެ. މުވައްޒަފުން ދެކޮޅަށް އަވަސް ފިޔަވަޅުތަކުގައި މެހެމާނުންގެ ކަންތައްތަކުގައި އުޅެމުންދިޔައެވެ. ތަފާތުވައްތަރުގެ ބުއިންތައް ތަބައްތަކުގައި އަތުރާލައިގެން އެކިކޮޅުކޮޅަށް ހިނގާ ވެއިޓަރުންތަށް ގިނައެވެ. އެ އެންމެންގެ ތެރޭ ޔޫހާވެސް މެހެމާނުންނަށް އެހީވަމުންދިޔައެވެ. އަރާމުކޮއްލުމަށް މާގިނައިރުތަކެއް ނުލިބުނެއްކަމަކު އޭނަ މިރޭ އެހެރީ ޝާއިންގެ ވަޒީފާ ސަލާމަތްކޮއްދިނުމައްޓަކައި ކޮންމެ ކަމެއްވެސް ކުރަންތައްޔާރުވެގެންނެވެ.
މަންސޫރު އޭނަގެ ވިޔަފާރީގެ ދުނިޔޭގެ ރަޙުމަތްތެރިންނަށް ޒައުލް ތަޢާރަފްކޮއްދެމުން ގުޅުންބަދަހި ކުރަން މަސައްކަތް ކުރަމުންދިޔައެވެ. އަނެއްކޮޅުން އެފަދަ އާއިލާތަކުން އައިސްތިބި ޒުވާން ރީތި އަންހެންކުދިންގެ އަމާޒު ފަތްގަނޑަށް ޒައުލްވެގެންދިޔައެވެ. އޭނަ އާއި ވާހަކަދެއްކުމަށް ވަރަށް ގިނަ އަންހެން ކުދިން މަސައްކަތްކުރަމުން ދިޔައެވެ. އެކަމަކު އޭނަގެ ފަރާތުން ސަމާލުކަމެއް ނުލިބުމުން އެންމެ ފަހުންޖެހެނީ އަމާންދިނުމަށްފަހު އެނބުރިދާށެވެ. ޒައުލްއަށް އެއަންހެން ކުދިންނެކޭ ބޭރު ގައުމުތަކުގައި ވެލެންޓީނޯ، ޑޮލްސް އެންޑް ގަބާނާ، ރަލްޕް ލޯރެން، ޓޮމް ފޯޑްމެންގެ ޑިޒައިންތައް އިސްތިހާރު ކުރުމަށް ހުންނަ ޝޯކޭސް ތަކުގައި ވާފަދަ ބުދުތަކެކޭ އެއްވެސް ތަފާތެއްނެތެވެ. ގިނަ ފަހަރަށް އެތުންފަތުގައިވާނީ ލާނެތް މަލާމާތުގެ ހިނިތުންވުމެކެވެ.
“މާފުކުރައްވާ…އަޅުގަނޑު ދިއުމުގެ ހުއްދައަކަށް އެދެން” ޒައުލް އޭނަ އާއި ވާހަކަދެއްކުމަށް ޝައުގުވެރިވެފައި ހުރި އަންހެން ކުއްޖާއަށް ބުނެލިއެވެ. އެއަންހެން ކުއްޖާއަށް ލިބުނު ހައިރާންކަމަށްވުރެ ވީފޫހި އިތުރުވެގެންދިޔައެވެ. އޭނަ ޒައުލްއަށް ފުރަގަސްދެމުން އެހެން ދިމާލަކަށް ހިނގައިގަތެވެ. ޒައުލްވެސް އިށިންނާނެ މޭޒެއް ހޯދާލިއެވެ. ދަންނަ މީހަކު އިންމޭޒެެއް ހޯދާލުމަށް ވަށައިގެން ބަލާލުމާއިއެކު އޭނަގެ ލޮލުގައި އަޅައިގަތީ ޕާކްވިއު ހޮޓެލްގެ ޔުނީފޯމްގައި މީގެ ކުރިން އެހޮޓެލުން ނުދެކޭ އަންހެން ކުއްޖެކެވެ. އެހެންނަމަވެސް ލާފައިވާ ކޯޓުގެ ތެރެއިންވެސް އޭނަގެ ކަނދުރާގައިވާ އިސްތަށިތަކުން ކަށިހެރޭފަދަ އިޙްސާސްތަކެއް ކުރުވިއެވެ. ދަންނަ ވައްތަރު އެމޫނުގައި ޖަހަނީ ކީއްވެކަމެއް ނޭގުނެވެ. ޒައުލްއަށް އެއަންހެން ކުއްޖާގެ ހަށިގަނޑަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. ސްޓޮކިންގެ ސަބަބުން ފައިގެ އަސްލުކުލަ ތަފާތުވެފައި ވިއެއްކަމަކު އެދިގު ކަސްރަތީ ދެފައި އޭނަގެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. އިޙްތިޔާރަކާއި ނުލާ އެއަންހެން ކުއްޖާއާއި ގާތަށް ޒައުލްގެ ފިޔަވަޅުތައް އަޅަމުންދިޔައީ އޭނަގެ މޫނު ރީތިކޮށް ކައިރިން ބަލާލުމުގެ ޝައުގުވެރިކަމާއިއެކުއެވެ. އެހެންނަމަވެސް ކައިރިއަށް ނުދެވެނިސް އެއަންހެން ކުއްޖާ ހުރިތަނުން އެހެން ކަމަކާއިގެން ހިނގައިގަނެއްޖެއެވެ. ޒައުލްއަށް ހީވީ ކުޑަހިނދުކޮޅަކަށްވިޔަސް އޭނަގެ އަމިއްލަ ނަފްސު އޭނަގެ ބާރުގެދަށުން ވީއްލިގެން ދިޔަހެނެވެ. އަވަހަށް މީހާ ހަމައަކަށް އެޅުނީ އޭނަގެ ހަރަކާތްތަކަށް އެތަށް ބަޔަކު ފާރަލާނެކަން އެނގޭތީއެވެ.
“ދީސް ހީލްސް އަރ ކިލިންގ މީ” ޔޫހާ އެއްފަރާތެއްގައި ހުރި އޭނަގެ އެކުވެރި މާޔާގެ ގާތުގައި ބުނެލިއެވެ. މާޔާ ހީލާފައި ދެން މާގިނައިރެއް ނެތްކަމުގައި ބުނެލިއެވެ.
މެހެމާނުންތައް މަދުވަމުންގޮސް އެންމެ ފަހުން ނުކުތީ މަންސޫރުގެ ދުވަސްވީ ރަޙުމަތްތެރިންނެވެ. ޒައުލް އޭނަގެ ހޮޓެލްގައި އެރޭ މަޑުކުރުމުގެ ހުއްދަ ބައްޕަ މަންސޫރުގެ އަރިހުން ހޯދެއްވިއެވެ. އަދި ޑްރައިވަރު ޖަމާލްގެ ގާތުގައި ބުނެ ޒައުލްގެ ކާރުގައި މަންސޫރު ގެއަށް ފޮނުއްވާލެއްވިއެވެ.
ޒައުލް ހަފްލާގައި އެރޭ އިސްކޮށްއުޅުނު މުވައްޒަފުންނާއި ބައްދަލުކުރިއެވެ. އެހެންވެ ޝާއިންއަށްވެސް އެބައްދަލުވުމަށް ދާންޖެހުނެވެ. ޔޫހާ މާޔާ އާއި އެހެން އަންހެން ކުދިންތަކަކާއިއެކު ދިޔައީ ފާހާނާއަށެވެ. ލައިގެންތިބި ޔޫނީފޯމް ބަދަލު ކުރުމަށާއި މޫނުގައިވާ މޭކަޕްތަށް ސާފުކުރުމަށެވެ. މާޔާ ސުވާލު ކުރަމުންދިޔައީ އެތަނަށް ޔޫހާ އަނަންޖެހުނު ސަބަބާއިމެދުއެވެ. ވީގޮތް ޔޫހާ ކިޔާދިނެވެ. އިތުރުގޮތެއް ނެތީމަ ދެން އަންނަން ޖެހުނީކަމުގައެވެ. އެހެންނަމަވެސް ތަފާތު މިޒާޖުގެ މީހުންނާއި ދިމާވެއްޖެ ކަމުގައި ޔޫހާ ހެވިލާފައި ބުނެލިއެވެ. އަދި ބައެއް މެހެމާނުންގެ ކިބައިން ފެނުނު ހެއްވާ މަޖާ ކަންތައްތަކުގެ ވާހަކަ ދެއްކިއެވެ.
ފާހާނާއިން ނުކުންނަމުން އަތުންއިސްތަށިގަނޑު ރަނގަޅު ކޮއްލިއެވެ. އިސްތަށިގަނޑުގެ ބުޅިކަން ރީތިކޮއްލާފަދަ ގޮތަކަށެވެ. އަދި ލައިގެން ހުރި ޓޮޕަށް ދަމާލަމުން ލޮބީގައި ހުރި ރިސެޕްޝަން ކައުންޓަރު ގާތަށް ޖެހިލަމުން ފޯންކޯލެއް ކޮއްލުމަށް އެދުނެވެ. ޔޫހާ މަޑުކޮއްގެން ހުރީ ޝާއިން ނިމޭނެ އިރަކަށެވެ. އެއީ އޭނަ ގެއަށް ދާނީ ޝާއިން އާއިއެކުގައި ކަމަށްވާތީއެވެ. މީޓިން ނިންމާލުމާއިއެކު ހުރިހާ މުވައްޒަފުން ބޯލްރޫމްތެރެއިން ނުކުމެގެން ސިޑިން ފައިބައިގެން ދާންފެށިއެވެ.
ޒައުލްގެ ލޮލުގައި އެކަނި ރިސެޕްޝަން ކައުންޓަރުދޮށުގައި ރިސެޕްޝަންގެ ފޯނުގައި ހުރި އަންހެން ކުއްޖާފެނުނެވެ. އެއީ ހަމައެހަށިގަނޑެވެ. އެފަޔެވެ. އެއިސްތަށިގަނޑެވެ. ޒައުލްގެ މޭގައިވި ހިތް ފަޅާނުކުންނަށް އުޅުނުކަހަލައެވެ. ކަރުގައި އޮތް ބޯޓައި ކަރަށް ބާރުވަމުން ދާކަހަލަގެ އިޙްސާސްއެއް ކުރެވުނެވެ. އަވަސް އަވަހަށް ގަމީހުގެ ކަރުގޮށާއި ބޯޓައި ނައްޓާލަމުން އެއްފަރާތަށް ދޫކޮއްލިއެވެ.
ޔޫހާއަށް ފަހަތަށް ބަލާލެވުނީ ރިސެޕްޝަންގައި އިން ފިރިހެންކުއްޖާ ތެދުވުމާއިއެކު އޭނަގެ ފަހަތުގައި މީހަކު ހުރިހެންވެސް ހީވެގެންނެވެ. ފޯނު އަތްގަނޑާއިއެކު އެނބުރިލި ޔޫހާގެ ނޭވާ ހުއްޓުނުފަދައެވެ. މީހުންގެ ލޮލަށް ނުފެންނަފަދަ ބާރެއް ލިބުނުނަމައޭ ޔޫހާގެ ހިތަށްއެރިއެވެ.
“ހެލޯ…ހެލޯ…ޔޫހާ، އެބަހުރިންތަ، ކިޔާން ނިދައިފިއޭ، ހާސްނުވެބަލަ، ހަމަޖެހިލައިގެން ޝައިންބެ އާއިއެކު އާދޭ…ޔޫހާ…ހެލޯ…” ޔޫހާ ހިފަހައްޓައިގެން ހުރި ފޯނުގެ އަތްގަނޑުން އަފްލީންގެ އަޑު އަންނަމުންދިޔައެވެ.
“އެހަށް ބާއްވަނީ…” ޔޫހާއަށް ފޯނަށް ޖަވާބުދެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނައަށް އޭނަގެ ކުރިމަތީގަ ހުރި ޒުވާނާާއަކީ ކާކުކަން އެނގެން ކުޑަހިނދުކޮޅެއް ނެގިއެވެ. އެކަމަކު އެރީތި ވަރުގަދަ ބުމައިގެ ދަށުގައިވާ ކަޅުކުލަގަދަ ލޮލުގެ ކައިރީގައިވާ ކަޅުތިލަ ދޮގަކަށް ނުވާނެކަން ގައިމެވެ. އެއީ ހަމަ އޭނައެވެ. އުމުރުން ދުވަހަކުވެސް އޭނަ އާއި ދިމާވެދާނެ ކަމަށް ހީނުކުރާ ފަރާތެވެ. ޔޫހާ ފޯނުގެ އަތްގަނޑު ބާއްވާލަމުން އެއްފަރާތަށް ޖެހި ޕާކްވިއު ހޮޓެލްގެ ދޮރުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
“ޔޫހާ…” އެބަރު ފިރިހެންވަންތަ އަޑުން ޔޫހާއަށް ގޮވާލިއަޑުއިވުނެވެ.
“ޒައުލް…” ވައިއަޑުން އަމިއްލައަށް ޔޫހާއަށް ބުނެލެވުނެވެ. އަދި ޔޫހާގެ ދެފައިގައި ކުއްލިއަކަށް ކަސްދޮޅު އެޅުނު ހެން ހީވެގެންދިޔައެވެ. ނޭވާ ހިފަހައްޓާލަމުން ދެލޯމަރާ ބާރުކޮއްލެވުނެވެ. އޭނަގެ އަމިއްލަ ނަފްސަށް އެތަނުން ދިއުމަށް މަޖުބޫރު ކުރަމުންދިޔައެވެ. އެހެންނަމަވެސް ޒައުލްގެ އެއަޑުގައިވެސް ވަނީ އޭނަގެ މުޅި ހަށިގަނޑު ގަނޑުކޮއްލާފަދަ ވަރުގަދަ ސިހުރެކެވެ. އެއީ ކޮންފަދަ ބާރެއްހެއްޔެވެ. މުޅި ހަށިގަނޑަށްވެސް ބާރުފޯރުވަނީ ކީއްވެހެއްޔެވެ. ޔޫހާގެ ނޭވާ ދޫކޮއްލެވުނީ އޭނަގެ ކޮނޑުގައި މީހަކު އަތްލުމާއިއެކުއެވެ.
“ހިނގާ ދަމާދޯ…” ޔޫހާ ލޯހުޅުވާ ބަލާލި ވަގުތު ޝާއިން އޭނަގެ ދާދިގާތުގައި ހުއްޓެވެ. އެދެފަޔަށް ދިރުންލިބިގެން ދިޔައީވެސް އެވަގުތުއެވެ. ޝާއިން އާއިއެކު ހޮޓެލްގެ ދޮރުމައްޗަށް މަޑުކޮއްލާފައި އޮތް ޓެކްސީއަކަށް އަރަން ޔޫހާ ދިޔައެވެ.
ޒައުލްއަށް އެހޮޓަލުގައި ހާއްސަކުރެވިފައިވާ ޕްރެސިޑެންޓަލް ސުވީޓްސްއަށް ވަދެވުމާއިއެކު އެއްވެސް ކަހަލަ އުނދަގުލެއް ވާން ނޭދޭކަން އަންގައިދޭ ބޯޑު ތަޅުގައި އަޅުވާލަމުން ދޮރުލައްޕާލިއެވެ. އަދި ވަދެގެން ދިޔައިރު ފެނުނު ފުރަތަމަ ސޯފާގޮނޑި މައްޗަށް ލައިގެން ހުރި ސޫޓުގެ ޖެކެޓާއި ކަރުގައި އޮތް ޓައިވެސް އެއްލާލިއެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމެއްގެ ބޮޑުކަމުން ނިތްކުރިން ހިއްލާލި ދާތިކިތަށް އޮއްބާލާ މީހާ ހަމަޖެހިލުމަށްޓަކައި އެއްފަރާތުގައި ހުރި މޭޒުމަތީ ބަހައްޓާފައި ހުރި ފެންޖަގުން ފެންތައްޓެއް އަޅާލިއެވެ. އެވަގުތު ޖަގުގެ ތެރޭގައި ހުރި ގަޑުފެންކޮޅުތައް ތެޅިގަތްއަޑު އިވުނެވެ. އޭގެތެރެއިން ބައެއް ގަޑުފެންކޮޅުތައް ފެންތަށީގެ ތެރެއަށް ވެއްޓިގެންދިޔައެވެ. އެކަމަށް އެއްވެސް ފަރުވާލެއްނެތްކަމުގައިވިޔަސް، ޒައުލްގެ އެތެރެހަށި ހުޅުނުފަޅާ އަލިފާނަކުން އަނދަމުންދާކަހަލައެވެ. އެވޭނަށް ލުޔެއްދީ ހިތާ ސިކުނޑިއަށް ފިނިކަން އިޙްސާސްވުމަށް އޭނަވަނީ ބޭނުންވެފައެވެ. ފެންތަށީގައި ތުންޖެހިގޮތަށް ހުސްކޮއްލިއެވެ. ހަމައެގޮތަށް ތިން ހަތަރު ތަށި ބޯލައިފިއެވެ. އަދި އުނަގަނޑުގައި އަޅާފައިވާ ބެލްޓު ނައްޓާލަމުން ގަމީހުގެ ބެގީ ނައްޓަންފެށިއެވެ. ފިނިކުރެވިފައިވާ ބޮޑު ކޮޓަރިއެކެވެ. އެހެންނަމަވެސް ޒައުލްއަށްވަނީ ވަރަށް ހޫނުވެފައެވެ. ގަމީހުގެ ގޮއްތަށް ވަކިވަރަކަށް ނައްޓަމުން ގޮސް އެނދުގެ ފައިލާ ކޮޅުގައި އިށީނެވެ. ޒައުލް މަޑުމަޑު ތަންމައްޗަށް އުޑުން ވެއްޓިގަތެވެ. ދެއަތްފުޅާކޮއްލައިގެން މައްޗަށް ބަލަހައްޓައިގެން އޮތެވެ. އޭނަގެ ހަނދާނުން އެމީހަކު ފޮހެލިތާ ގާތްގަނޑަކަށް ހައަހަރު މާޒީވެ ގޮސްފިއެވެ. އެހެންނަމަވެސް އެމީހަކާއި ދިމާވުމުން އަދިވެސް ޒައުލްއަށް ބުނެދޭން ނޭގޭ ގޮތްތަކެއްވަނީ ކީއްވެކަމެއް ނޭގެއެވެ. އެއީ އޭނަ ހަނދާންކުރަންވެސް ބޭނުންނުވާ މާޒީއެކެވެ. ނަމަވެސް މީގެ ހައަހަރު ވަރު ކުރި އޭނަގެ ލޯމަތިން އިޔާދަވަމުންދިޔައެވެ. ފުންނޭވާއަކާއިއެކު ޒައުލްއަށް އޭނަގެ ދެލޯ މަރާލެވުނެވެ.
އެއީ މީގެ ހައަހަރު ވަރަކަށް ކުރިއެވެ. ޒައުލްގެ ކަންފަަތަށް އޭނަގެ ރަޙުމަތްތެރިންގެ ހުނުމުގެ އަޑާއި ދައްކަމުންދިޔަ ވާހަކަތައް އިވެމުންދިޔަކަހަލައެވެ. އޭނަގެ ތުންފަތަށް މަޑުމަޑުން ހިނިތުންވުމެއް ވެރިވަމުންދިޔައެވެ. ބޭރުގައި ކިޔަވަން ހުރުމަށްފަހު ޗުއްޓީއަށް މާލެއައި ދުވަސްކޮޅެކެވެ. ކަންތައްތައްކުރުމުގައި ރަޙުމަތްތެރިންނަށް ގޮންޖަހާލި އުމުރެވެ. އަދި ކިއެއްތަ، ޅަހިޔާލުތަކާއިއެކު ޒުވާންކަމުގެ ޖޯޝް ނުހިފެއްޓިގެން ދިޔަ އުމުރުވެސްމެއެވެ.
ސީއެޗްއެސްއީގައި ކިޔަވަމުންދާ ކުދިން ނިމޭގަޑިއަށް ކަމާކަންފަށާ ކާރުގައި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން އެމަގުންދުއްވާނެއެވެ. އަދި އެއަށްފަހު ކޮންމެ ދުވަހެއްގެ މެންދުރުގެ ކެއުމަށް އެހިސާބުގައި ހުންނަ ރެސްޓޯރެންޓަކަށް އެކުގައި އުޅޭ ތިން ހަތަރު ރަޙުމަތްތެރިންނާއިއެކު ދޭއްޖަހާކަން ހާއިރަށް ދާނެއެވެ. އެތަނުގައި ތިބެ ނުދައްކާވާހަކައެއް ނޯންނާނެއެވެ. މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންދިޔައެވެ. ޒައުލްއާއި އޭނަގެ ރަޙުމަތްތެރިންނަށް ސީއެޗްއެސްއީ ޔުނީފޯމްގައި އެހެން ލާފައިދާ އެތަށް ކުދިންނެއް ފެނެއެވެ. އެތަނުން ގިނަކުދިން އެމީހުންގެ ޝިކާރައަކަށް ވެދެއެވެ. އެއީ އެމީހުންގެ މަޖަލުގެ އެއްބައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެހާ ދުވަސްވިއިރުވެސް އިޖާބަނުދީ ހުރި މީހަކަށް ހުރީ ހަމައެކަނި ޒައުލްއެވެ.
“އައި ބެޓް ޔޫ…” ޒައުލް އާއިއެކު މޭޒުދޮށުގައި އިން ރަޙުމަތްތެރިއަކު ބުނެލިއެވެ.
“ޒައުލް ޗުއްޓީއަށް އައީމައޭ މަޖާގަނޑު މިއޮންނަނީ، އެހެންނޫނީ ހާދަ ފޫއްސޭ” ޒައުލްގެ އަނެއްފަރާތުގައި އިން ރަޙުމްތެރިއަކު ބުނެލިއަޑުއިވުނެވެ. އެންމެންގެވެސް ނަޒަރު ކުއްލިއަކަށް ހުއްޓުނީ މަގުގެ އަނެއްފަރާތުން ސީއެޗްއެސްއީ ޔުނީފޯމްގައި ހިނގަމުންދިޔަ އަންހެން ކުއްޖާއަށެވެ. ހަމުގެ ކުލަ އަލިވެފައި ބުޅިއިސްތަށިގަނޑެއް ލިބިފައިވެއެވެ. އިސްކޮޅުން ކުރެއްކަމަކު ލޫޅާފަތި ހަށިގަނޑެއް ލިބިފައިވެއެވެ. ކީއްވެކަމެއްނޭގެއެވެ. ޒައުލްއަށް އޭނަގެ ރަޙުމަތްތެރިންގެ ކުޅިވަރުގައި ބައިވެރިވެވުނެވެ. ޒައުލް އާއި އޭނަގެ ގާތުގައި ތިބި ހަތަރު ރަޙުމަތްތެރިންގެ ތެރެއިން އެއަންހެން ކުއްޖާ އާއި ރައްޓެހިވެވޭ މީހަކަށް ކޮންމެ މީހަކު ވަކިވަރަކަށް ފައިސާ ދޭގޮތަށް ހަމަޖެހިގެންދިޔައެވެ.
ހަފްތާއެއް ވޭތުވެގެންދިޔައިރުވެސް ޒައުލްގެ ހަތަރު ރަޙުމަތްތެރިންގެ ތެރެއިން އެކަކަށްވެސް އެރީތި އަންހެން ކުއްޖާގެ ނަން ހޯދުނު ކަމަކަށްނުވިއެވެ.
“ހަމައެއްގޮތަކަށްވެސް އަނގައިން ބުނާގޮތެއްނުވޭ…އަަހަރެން މިހާރު ފޫހިވާގޮތްވެއްޖެ، މިހާ އުނދަގުލުން މިކަމެއްނުވާނެ، އެއަށްވުރެ މާރަނގަޅު ކަލޭމެންގެ ތެރޭން މީހަކަށް ދޭންވާ ފައިސާކޮޅު ދިނަސް….” ހަތަރުމީހުންގެ ތެރެއިން ޒައުލް އާއި ޖެހިގެން އިން ޖިނާ ބުނެލިއެވެ.
“އެހާ އަވަހަށް ބަލި ގަބޫލު ކުރީތަ؟” ޒައުލް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.
“އާން…މަވާ ސަލާމް، ދެނެއް ނުދެވޭނެ އޭނަގެ ފަހަތުން…އެހެންނޫނަސް މީ ސީރިއަސްކަމެއްވެސް ނޫން” ޖިނާ ޒައުލްއަށް ޖަވާބުދިނެވެ.
އިތުރު ހަފްތާއެއް ވޭތުވެގެން ދިއުމުގެ ކުރިން އެންމެން ކަހަލަ ގޮތަކަށް އުއްމީދު ކަނޑާލައިފިއެވެ. އެހެންނަމަވެސް ޒައުލް އާއި ސުވާލުތައް އަމާޒުވަމުންދިޔައެވެ.
“އަހަރުމެންނަށް ނުވިއޭ ކިޔަން ޒައުލް އެންމެ ފަހަރަކުވެސް ޓްރައިއެއްކޮއްލިންތަ؟ އަހަރުމެންވިއްޔާ އެމަންޖެ ފަހަތުން ގޮއްސިންތާ، އެހެންވީމަ މިފަހަރު ހުރިހާ އެންމެން މިވީ އެއްވަރެއްނު” ޖިނާ ޒައުލްގެ ކޮނޑުގައި ހިފާ ކޮއްޕާލަމުން ބުނެލިއެވެ.
“ނޫން، އަދި އެއްވަރެއްނުވޭ، ތިބުނާހެން އަދި އަހަރެން އެއްވެސް ކަމެއް ނުކުރަންދޯ….މިއަދުން ފެށިގެން އަހަރެންގެ މަސައްކަތް މިފެށީ…” ޒައުލް ޔަގީން ކަމާއިއެކު ބުނެލިއެވެ. އަދި ފަސްމީހުން ވެގެން އެއަންހެން ކުއްޖާ ދާނެ އިރަކަށް އިންތިޒާރު ކުރަމުންދިޔައެވެ. ޒައުލްގެ ނަސީބުދެރައީކަމެއް ނޫނީ، އެއަންހެން ކުއްޖާގެ ނަސީބުގަދައީކަމެއް ނޭގެއެވެ. އެދުވަހު ޒައުލް އާއި އެއަންހެން ކުއްޖާ ބައްދަލުވާގޮތެއް ނުވިއެވެ. އެހެންވެ ދެވަނަ ދުވަހު ތަންކޮޅެއް ކުރިން އެމީހުން އެރެސްޓޯރެންޓުގައި ގޮސް ތިއްބެވެ.
މަގުގެ އަނެއްފަރާތުން އެއަންހެން ކުއްޖާ ދައްކާލުމާއިއެކު ޒައުލް ގޮނޑިން ތެދުވިއެވެ. ރަޙުމަތްތެރިންނާއިއެކު މަގުމައްޗަށް ނުކުތެވެ. އެމީހުންނާއި އެއަންހެން ކުއްޖާ އަރާ ހަމަވުމާއިއެކު ޒައުލް މަޑުދުވުމެއްގައި މަގުހުރަސްކޮއްލަމުން އެއަންހެން ކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އެތަންފެނި ޒައުލްގެ ރަޙުމަތްތެރިން އޭނައަށް ހިތްވަރުދެމުން ތަންކޮޅެއްބާރަށް އެއްޗެއް ބުނެލިއެވެ.
ޒައުލްއަކީ އެއްގޮތަކަށްވެސް ދުރުތަންތަނަށް ހިނގާފައި ގޮސްއުޅޭ މީހަކަށްނުވާތީ އޭނައަށް ހިނގުންވީ ބޮޑުކަމަށެވެ. ގަދައަވީގެ ސަބަބުން ހަށިގަނޑުން ހިއްލަންފެށި ދާތިކިތަކުން މީހާއަށް އިތުރު އުނދަގޫކަމެއް އިޙްސާސްކުރަން ޖެހުނެވެ. އެހެންނަމަވެސް އޭނަ ހިތްވަރު ދުލެއްނުކުރެއެވެ. ވަކި ހިސާބަކުން އެއަންހެން ކުއްޖާ އާއި އަރާ ހަމަކުރަމުން އޭނަގެ ނަން އަހާލިއެވެ. ނަމަވެސް އެއަންހެން ކުއްޖާ އިސްއުފުލާ ބަލާވެސް ނުލިއެވެ. ޒައުލް އިތުރަށް ވާހަކައެއް ނުދެއްކިއެވެ. އޭނަ އެއަންހެން ކުއްޖާއާއިއެކު އޭނަގެ ގެއާއި ހަމައަށް ދިޔައެވެ. އޭގެ ފަހުން ހަމަ ކޮންމެ ދުވަހަކު ޒައުލް އެއަންހެން ކުއްޖާގެ ފަހަތުން އޭނަގެ ގެއާއި ހަމައަށް ދާންފެށިއެވެ. އެހެންކަންތައް ކުރާތާ ދެވަނަ ހަފްތާއެވެ.
“ހެ ހެ ހެ ހެ…” އެރީތި އަންހެން ކުއްޖާ ހީލިއަޑުއިވުނެވެ.
“އޯ…އަހަރެން ހީކުރީ ދުވަހަކުވެސް ތިއަޑު ނީވޭނެކަމަށް، ހާދަ ހިތްގައިމޭ، އަނެއްކާ ތީ ހަމަ އަސްލު އަޑުތަ” ޒައުލް ހިނިތުންވެލަމުން ސަމާސާ ކޮއްލިއެވެ.
“އަހަރެންގެ ފަހަތުން ތިހާލުގަވެސް އަންނަންވޭތަ” އެއަންހެން ކުއްޖާ ދާހިތްލާ ފޯވެފައިހުރި ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“އިޓްސް ވޯތްއިޓް…” ޒައުލް ވެފަހުރި ވަރުބަލިކަން ފޮރުވަމުން ނިތްކުރިން ހިތްލާފާއިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ބުނެލިއެވެ.
“ކީއްވެތަ އަހަރެންގެ ފަހަތުން ތިއަންނަނީ” އެއަންހެން ކުއްޖާ އަނެއްކާވެސް ކުރީ ސުވާލެކެވެ.
“ނަން އެހީމަ ނަމެއް ނުބުނަމެއްނު، އަޅެ އެއްފަހަރުވެސް ނަން ބުނެބަލަ، އޭރުން ނާންނާނަން” ޒައުލް ހިނިތުންވެލަމުން ބުނެލިއެވެ.
“ޔަގީންތަ ނާންނާނަންކަން” މިފަހަރުވެސް އެއަންހެންކުއްޖާ ޒައުލްއަށް ބަލާލުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތްކަން އޭނައަށް އެނގުނެވެ. ޒައުލް އެއަށްވަކި އެއްޗެއް ނުބުންޏެވެ. އެއަންހެންކުއްޖާގެ ގެއާއި ހަމައަށް އާދެވުމާއިއެކު ޒައުލް އެނބުރިލީ އޭނަ އައިކޮޅަށް ދިއުމަށެވެ.
“ޔޫހާ…” ޒައުލް އެނބުރި ދިއުމަށް ހިނގައިގަތްވަގުތު އެއަންހެން ކުއްޖާ ގޭދޮރުމަތީ ހުރެ ބުނެލިއެވެ.
“ޔޫހާ…” ޒައުލްއަށް އެނަންކިޔާލެވުނެވެ. އެއާއިއެކު އޭނައަށް ބަލާލި ޔޫހާގެ މޫނު ރީތިކޮށް ފެނިގެންދިޔައެވެ. ކޮންފަދަ ރީތި ކަމެއްހެއްޔެވެ. ހޫރުން ދުނިޔެމަތީވާނަމަ އެއީ އެފަދަ ކުއްޖެއްކަން ޔަގީނެވެ. ޒައުލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެންދިޔައީ ޔޫހާގެ ރީތިކަން ފެނިކަމެއް ނޫނީ އޭނައަށް ލިބުނު ކާމިޔާބުން ކަމެއް ނޭގެއެވެ. އޭނަ ދުރަށް ހިނގައިގަންނަމުން ފޯނު ނަގާ އޭނަގެ ރަޙުމަތްތެރިންގެ ތެރެއިން މީހަކަށް ގުޅާލިއެވެ.
ޔޫހާގެ ނަންއެނގުނުފަހުން ޒައުލް އޭނަގެ ފަހަތުން ނުދެއެވެ. އެކަމަކު އޭނަ ޔޫހާއަށް ފާރަލިޔެވެ. އެކަން ޔޫހާއަކަށް ނޭގެއެވެ.
“ވެއިޓް ފޯ އިޓް…” ޒައުލްއަށް ޔޫހާ އަންނަތަން ފެނުމުން އޭނަގެ ރަޙުމަތްތެރިންނަށް ބުނެލިއެެވެ. އަދި އެމީހުންތިބޭ މޭޒާޖެހިން މަގުމަތިފެންނަގޮތަށް ހުރި ބިއްލޫރިކުޑަދޮރުގައިވާ ބްލައިންޑްސް ތިރިކޮއްލީ ޔޫހާއަށް އެމީހުން ފެނިދާނެތީއެވެ.
“ޔަގީންތަ އޭނަ ޒައުލްއަށް ފޯލްވާނެކަން…” ޖިނާ އަހާލިއެވެ.
“ހަމަ ޔަގީން، އޭނަ އަހަރެންގެ މަތިން ހަނދާންނުވާނެގޮތެއް އެއީ ނެތްގޮތެއް…” ފޮނިގޮތަކަށް ޒައުލް ބުނެލިއެވެ.
ހިނގަމުން އައި ޔޫހާ ޒައުލްމެން ތިބޭ ރެސްޓޯރެންޓާއި އަރާ ހަމަވުމާއިއެކު އިސްއުފުލާ ބަލާލިއެވެ. އޭނަގެ ދެލޯ ކޮންމެވެސް އެއްޗެއް ނޫނީ މީހަކު ހޯދާކަން ހެކިދެއެވެ. ރެސްޓޯރެންޓުގެ ތެރޭ ބްލައިންޑްސްގެ ފަހަތުގައި ބަލަންތިބި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“އޭ…އެމަންޖެއަށް ކަލޭ ކިހިނެއް ހެދީ” ޖިނާ ޒައުލްގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ.
“އަހަރެންގެ ދެފައި ބިންދައިގެން ދާވަރަށް ހިނގީ، އެއީ ކުރިކަމަކީ…ގަދަ ދޯ އަހަރެން” ޒައުލް އެހެން ބުނެލަމުން އަމިއްލައަށް ފަޙުރުވެރިވެލިއެވެ. އަދި އަޑުގެ ނެއްތަނަށް ހޭންފެށިއެވެ.
“ދެން ނުދާނަންތަ އެމަންޖެ ފަހަތުން، ހާދަ ރީއްޗޭ ދޯ…” ޒައުލްގެ ރަޙުމަތްތެރިންގެ ތެރެއިން މީހަކު ބުނެލިއެވެ.
“ނޫނޭ، މިފެށުނީއެއްނު، އަދި މަޑުކުރޭ ދެންވާގޮތް ބަލަން…ހިނގާ ދަމާ” ޒައުލް ތެދުވިއެވެ.
ކާރުގައި އިސްވެ ދުއްވަން އިނީ ޒައުލްއެވެ. އޭނަ ޔޫހާގެ ފަސްފަހަތުން ކަހަލަގޮތަކަށް ކާރު ދުއްވަމުންދިޔައެވެ. ވަންވޭއަކާއި ދިމާވެއްޖެނަމަ ކައިރި ކޮންމެވެސް މަގެއް އަޅައިގެން ޔޫހާ ގެއްލުނަ ނުދީ އޭނަގެ ފަސްފަހަތުން ގެއާއި ހަމައަށް ދިޔައެވެ. އެގޮތަށް ޔޫހާއަށް ފާރަލާތާ ދެދުވަސްފަހުން ޒައުލް އަނެއްކާވެސް ޔޫހާގެ ފަހަތުން ދިޔައެވެ.
“އަހަރެންތަ ތި ހޯދަނީ…” އިރުއިރުކޮޅާ ފަސްބަލަމުން އަންނަ ޔޫހާގެ ކުރިމައްޗަށް ކުއްލިއަކަށް އެރި ޒައުލް ބުނެލިއެވެ. ޔޫހާ ސިހުމާއިއެކު ހިނިވެސް އައެވެ. އަދި ޒައުލް ކުރި ސުވާލަށް ވަކި ޖަވާބެއް ނުދިނެވެ.
“އަހަންނަށް އެނގޭ ޔޫހާ އަހަރެންގެ މަތިން ހަނދާން ކުރާކަން” ޒައުލްގެ ވާހަކަދެއްކުމުގައި އާދަޔާއި ހިލާފު ޔަގީންކަމެއް އެކުލެވިފައިވެއެވެ.
“އެހެންތަ، ކިިހިނެއް އެނގުނީ؟” ޔޫހާ ވާހަކަ ދައްކަނީ ވަރަށް މަޑުންނެވެ.
“އެއީ އަހަރެންވެސް ޔޫހާ އާއި ދޭތެރޭ ވިސްނާތީ، ޔޫހާ މަތިން ހަނދާންވާތީ…ދެން އެނގެއެއްނު ހަމައެކަނި ނަން ހޯދާކަށް ނޫންކަން އަހަރެން ޔޫހާ ފަހަތުން އަންނަނީ” ޒައުލް ބޮލުގައި އަތްހާކާލަމުން ބުނެލިއެވެ. އެދުވަހަކީ ޒައުލް އާއި ޔޫހާ އާއި މެދުގައި ފުރަތަމަ ފަހަރަށް ރަޙުމަތްތެރިކަމުގެ ގުޅުން ފެށުނު ދުވަހެވެ. ޔޫހާ އެކަމާ އެއްބަސްނުވިއެއް ކަމަކު އޭނައަށް ޒައުލް ކަމުދާކަން ޒައުލްއަށް އެނގެއެވެ.
ރަޙުމަތްތެރިންގެ ތެރޭ ޒައުލްގެ ނަންކިޔޭލެއް ކުރިއަށްވުރެވެސް ގިނަވިއެވެ. ޒައުލް ޔޫހާގެ ވާހަކަތައް އެމީހުންނާއި ހިއްސާކުރަމުންދިޔައެވެ. އެހެންނަމަވެސް ޔޫހާގެ ކަންތައްތަކުގައި ޒައުލް ވަރަށް ކެތްތެރިވާންޖެހުނެވެ. އޭނަ އާއި ރަޙުމަތްތެރި ކަމުގެ ގުޅުންވެސް ބަދަހިކުރެވުނީ ވަރަށް ދުވަހުންނެވެ. ނަމަވެސް އޭނަ އެކަން ކާމިޔާބު ކުރިއެވެ. ޔޫހާގެ ހިތަށް ވެރިވެގަތެވެ. އޭނަގެ ބާރުގެ ދަށަށް އެހިތްގެނައެވެ. ޔޫހާ އާއި ބެހޭގޮތުން އޭނައަށް ފުދޭވަރަކަށް އެނގިގެން ދިޔައެވެ. ޔޫހާއަކީ ރާއްޖޭގައިވާ އާބާދީ ކުޑަ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. މާލެ އައިސްގެން އުޅެނީ ގުރޭޑު އެގާރަ ބާރަ ކިޔަވާށެވެ. އޭނަ މާލޭގައި ހުންނަނީ ބައްޕަގެ ރަޙުމަތްތެރިއެއްގެ ގޭގައެވެ. ޔޫހާއަކީ އަޙްލާގު ރަނގަޅު ވިސްނުންތޫނު ކުއްޖެއްކަން ޒައުލްއަށް ނަގައިގަނެވުނެވެ. އޭނަގެ ރަޙުމަތްތެރިންނާއި ޔޫހާ ބައްދަލު ކުރަން ގެންނަން އޭނަ ވަރަށް މަސައްކަތްކުރިއެވެ. އަދި ހަމަހިލާ އެކަމަށް ޔޫހާ އެއްބަހެއް ނުވެއެވެ. އޭނައަށް ޒައުލްގެ ރަޙުމަތްތެރިން ކަމަކު ނުދެއެވެ. ޒައުލްއަށް ޔޫހާ އާއި ބެހޭގޮތުން އެނގުނެއްކަމަކު ޒައުލް އާއި ބެހޭގޮތުން އެއްވެސްވަރެއްގެ ތެދު މަޢުލޫމާތެއް އޭނަ ޔޫހާއަކަށް ކިޔައެއްނުދެއެވެ. ހަގީގަތްވަނީ ޔޫހާއަށް އޮޅުވާލެވިފައެވެ. ޒައުލްގެ އާއިލާއަކީ މުއްސަނދި އާއިލާއެއްކަމެއް ޔޫހާއަކަށް ނޭގެއެވެ. އޭނައަށް އެނގުނު ގޮތުގައި ޒައުލް އުޅެނީ ވަޒީފާގައެވެ. ޒައުލްގެ ކިޔެވުން ފެށުމުން އޭނަ ފުރަންޖެހުނީވެސް ވަޒީފާގެ ސަބަބުންނެވެ. ޒައުލް ފުރަންވެގެން ޔޫހާ އާއި ބައްދަލު ކުރި ދުވަހު އޭނަ ވަރަށް ރުޔެވެ. ޒައުލް އޭނަގެ ގާތަށް އެނބުރި އަންނާނަންތޯ ސުވާލުކުރަމުންނެވެ. ކީއްވެކަމެއް ނޭގެއެވެ. ޒައުލް ޔޫހާގެ ގާތަށް އެނބުރި އަންނާނަން ކަމުގައި ވައުދުވިއެވެ. އެކަމާ އޭނަގެ ރަޙުމަތްތެރިން ވަރަށް ދިމާކުރިއެވެ. ޒައުލް ޔޫހާ ދެކެ ލޯބިވަނީ ކަމުގައި ބުނަމުންނެވެ. މަޖާކޮއްލަންވެސް ޒައުލްއަށް ނޭގޭ ކަމަށް އެންމެން އެއްބަސްވިއެވެ. އޭނަ ފުރައިގެން ދިޔައީ ހަމަސްފަހުން އަނެއްކާވެސް އެނބުރި އައިސް ޔޫހާ އެމީހުންގެ ގާތަށް ގެންދާނެ ކަމަށް ވައުދުވަމުންނެވެ.
ބަރާބަރު ހަމަސްފަހުން ޒައުލް ޖިނާއަށް ގުޅާ މާލެ އައި ހަބަރު ދިނެވެ. އެހަމަސްދުވަހުގެ ތެރޭ ޒައުލް ޔޫހާގެ މަތިން ހަނދާނެއް ނުކުރެއެވެ. އެހެންމަވެސް މާލޭގެ ފަސްގަނޑުގައި ފައިޖެހުމާއިއެކު ޔޫހާ ދީފައިވާ ނަންބަރަށް ގުޅާލީ އޭނަ ހަގީގަތުގަވެސް ހުރީ ޒައުލްއަށްޓަކާތޯ ބަލާލަން ބޭނުންވެގެންނެވެ. ޔޫހާއަށް ގުޅާލުމުން އޭނަ އެއްވެސް ޝަކުވާއެއް ނުކުރިއެވެ. ޒައުލް ހައިރާންވިއެވެ. ފުރަތަމަ ފަހަރަށް އޭނަ އަންހެން ކުދިންނާއި ބެހޭގޮތުން ގެންގުޅޭ ތިއަރީއާއި ޔޫހާ ތަފާތުވިއެވެ. ޔޫހާ ހުރީ ޒައުލް އާއި ބައްދަލުކޮއްލަން ބޭނުންވެފަކަން އެނގުމުން ޒައުލްވެސް އެކަމާ އެއްބަސްވިއެވެ. ހީކުރީ ބައްދަލުވުމުން ޔޫހާ ކުރަން ބޭނުން ހުރިހާ ޝަކުވާއެއް ކުރާނެކަމަށެވެ. އެހާ ދުވަސްވަންދެން ގުޅާވެސް ނުލާ ހުރީތީ ހިތްހަމަނުޖެހޭނެކަމަށެވެ. އެހެންނަމަވެސް އެހުރިހާ ހީއެއްވީ ކުއްހީ ތަކަކަށެވެ. ޒައުލް ކިތަންމެހާވެސް ހައިރާންވިއެވެ.
ދޮރުކައިރީ މަގުގެ ދެފަރާތްބަލަމުންދިޔަ ޔޫހާ ކާރުގައި އިން ޒައުލްއަށް ފެނުނެވެ. އޭނަގެ ރަޙުމަތްތެރިން ގާތު ދަނީއޭ ބުނެ ކާރުން ފޭބިއެވެ. ޒައުލް ފެނުމާއިއެކު ޔޫހާގެ މޫނުމައްޗަށް އާދަޔާއި ހިލާފު އުފާވެރިކަމެއް ވެރިވެގެންދިޔަކަން އެނގެއެވެ. ޒައުލްވެސް ހިނިތުންވެލިއެވެ. އޭނަ އާއި އެންމެ ފުރަތަމަ ބައްދަލުވި ދުވަހަށްވުރެވެސް ޔޫހާގެ ރީތިކަން އިތުރުވެއްޖެހެން ޒައުލްއަށް ހީވިއެވެ. އެއަޖައިބެއްފަދަ ރީތިކަން ޒައުލްގެ ހިތުގެ ހިނގުން އަވަސްކުރުވަނީ ކީއްވެކަމެއް ނޭގެއެވެ. ނޭގޭ އިޝާރާތެއް އެހިތަށް ކުރާހެން ހީވާކަހަލައެވެ. ރޫހަށް ދިރުންލިބިގެންދާހެންވެސް ހީވެއެވެ. ހޫރެއްފަދަ ޝާއްބަކަމެއް އެއަންހެން ކުއްޖާގެ ވެއެވެ. ހީލުމުން އެފެންނަ ކުދިމުތީތަށް ތަރިތައްފަދައިން ވިދަންފަށައެވެ. އަދި ބިންގަޑު އުފަލުން ތެޅިގަންނަހެން އޭނައަށް ހީވެއެވެ. އަމިއްލަ ނަފްސާ ރީތިހުސްވީހޭ އަހާލަން މަޖުބޫރުކުރުވަނީ ޝޯހުވީވަރުންނެވެ. އިސްއުފުލާލައިފިނަމަ ފަލަކުވެސް ލަދުން އިސްޖެހޭނެކަން ގައިމެވެ. އެކަމަކު އެއިޙްސާސްތައް ފާޅު ކުރާކަށް ޒައުލް ބޭނުމެއްނޫނެވެ. ޒައުލް ދެކެނުގޮތުގައި އެއީ ވަގުތީ އިޙްސާސްތަކެކެވެ.
“އަތުގަ ތިއޮތީ ކީއްކުރާ ފޮތެއް؟” ޒައުލް ޔޫހާ އާއި އަރާ ހަމަވުމާއިއެކު އޭނަގެ އަތުގައި އޮތް ފޮތް ފެނުމުން އަހާލިއެވެ.
“ޝްޝްޝް…ކޮންތާކަށް ދާނީ؟” ޔޫހާ ތުންފަތުގައި އިނގިލި ޖައްސާލަމުން އަޑުމަޑުކުރުމަށް ބުނަމުން ބޭރު ދޮރު ލައްޕާލިއެވެ. އަދި ޒައުލް އާއި ގާތްވެލަމުން ވާހަކަދެއްކިއެވެ.
“ކޮންތާކަށް ޔޫހާ ދާން ބޭނުމީ، ރެސްޓޯރެންޓަކަށްތަ؟” ޒައުލް އަހާލިއެވެ.
“ނޫން، އަހަރެން ކާކަށް ބޭނުމެއްނޫން، އަދި ކޮފީއެއްވެސް ބޯކަށް ބޭނުމެއްނޫން…ހިނގާ މިދިމާއިން ތޮށިގަނޑު ކައިރިއަށް ނުކުންނަން” ޔޫހާ ޖެހިގެން އޮތް ހިމަ ގޯޅިއަކަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ.
“އޯކޭ…” ޖީބަށްޖަހާލެވިފައިވާ ދެއަތާއިއެކު ގޮނޑުއަރުވާލަމުން ޒައުލް ބުނެލިއެވެ. ޔޫހާ އާއި ޒައުލް އެކުގައި ހިނގަމުން ދިޔައެވެ. ދެމީހުންވެސް މަޑުކުރަމުންދިޔައީ އަނެކަކު އެއްޗެއް ބުނާނެ އިރަކަށެވެ. އެންމެ ފަހުން ޔޫހާ ވާހަކަދެއްކިއެވެ.
“ދައްތައަކަށް ނޭގޭނެ އަހަރެން ޒައުލް އާއި ބައްދަލު ކުރާކަމެއް، އަހަންނަށް ބުނަން ނުކެރިގެން މިއުޅެނީ، އަނެއްކާ ރޭގަނޑު އެހާ ގިނައިން ބޭރަށް ދާކަށް ދައްތަ ހިތްހަމައެއް ނުޖެހޭނެ، އަހަންނަށް ވަރަށް އިތުބާރު ކުރާކަން އެނގޭ، ދެރަވޭ ދޮގު ހަދަން ޖެހޭތީ…” ޔޫހާ ބުނަމުންދިޔައެވެ.
“އެހެންވެ ދޯ ފޮތް ހިފައިގެން ތިއައީ، ޓިއުޝަނަށް ދާންށޭ ކިޔާފަތަ ތިއައީ” ޒައުލް ފާޑަކަށް ހިނިއައިސްފައި އަހާލިއެވެ.
“ނޫން…ރައްޓެހި ކުއްޖަކާއިއެކު ލައިބްރަރީއަށް ދާން މިނުކުތީ” ޔޫހާ ޒައުލްއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއާއިއެކު ޒައުލް ހީލިއަޑުއިވުނެވެ.
ޔޫހާ ހިތްހަމަޖޭ ހިސާބަކަށް ދެވުމާއިއެކު އޭނަ ތޮށިގަނޑުމަތީ އިށީނުމަށް ހިޔާލުދިނެވެ. ޒައުލްގެ އެއްވެސް ހިޔާލު ތަފާތުވުމެއްނެތެވެ. އޭނަ ޔޫހާ ބޭނުންވާގޮތަށް ކަންތައްތައް ކުރިއެވެ. އަނެއްކާވެސް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. ޔޫހާ ކޮންމެވެސް ކަމަކާ ވިސްނަމުންދާކަހަލައެވެ. އަތުގައި އޮތް ފޮތުގެ ކަނާކުޅެލަ ކުޅެލާ އިނެވެ. ޒައުލް ތޮށިގަނޑުގައި ދެއަތްތިލަ ޖައްސާލަމުން އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލާލިއެވެ. ރޭގަނޑެއްކަމަކު ފިނިވައިރޯޅިއެއްހާ ހިސާބުވެސް ޖެހިނުލައެވެ. ފަޒާގައިވަނީ ދިލައާތްވެކެވެ. ހޫނު ގަދަ ދުވަސްކޮޅަކީއެވެ. އެހެން އިންއިރު އިރުއިރުކޮޅާ ޔޫހާ އޭނައަށް ބަލާލާކަން ފާހަގަ ކުރެވެއެވެ.
“ކީއްވެ ތިވަރަށް ތިބަލަނީ؟” އިރުކޮޅަކު ޔޫހާގެ ހަރަކާތްތަކަށް ސިއްރު ނަޒަރެއްދީގެން އިނުމަށްފަހު ޒައުލް ބުނެލިއެވެ.
“ނުބަލަން…” ޔޫހާ ލަދުން އިސްޖަހާލިއެވެ. ޒައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
“ތިހެން މާގިނައިން ޔޫހާ ބަލަނިކޮށް އަހަރެން ދެކެ ލޯބިވެވިދާނެ…ނޫނީ އަހަންނަށް ޔޫހާދެކެ ލޯބިވެވިދާނެ” ޒައުލް ބުނި ޖުމްލައިން ޔޫހާގެ ކޯތާފަތަށް އަރާފައިވާ ޖަންބުކުލަ ގަދަވެގެން ދިޔަތަން އޭނައަށް ފެނުނެވެ.
“ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެދާނެތަ” ޔޫހާ ކުރީ ސުވާލެކެވެ.
“ހެ ހެ ހެ ހެ…އެހެން ކިހިނެއްވާނީ” ޒައުލްގެ ވާހަކަދެއްކުމުގައި އެއްވެސް ވަރެއްގެ ސީރިއަސްކަމެއްނެތެވެ.
“އަހަރުމެންގެ މެދުގަ މިވަނީ ރަޙުމަތްތެރިކަންތަ؟” ޔޫހާ އަހާލިއެވެ.
“ހޫމް، ދެން އެހެން ކޮންކަމެއް…” ޒައުލް ބުނެލިއެވެ.
“ދެން އޯކޭ، އެވާހަކަ ބަހައްޓާ…މިފަހަރު ތިއައީ އަނެއްކާވެސް ފުރާގޮތައްތައް” ޔޫހާ މަޢުލޫބަދަލުކޮއްލަން ބޭނުންވިކަން ޒައުލްއަށް އެނގުނެވެ.
“ނުދާންވީތަ؟” ޒައުލް ބުނެލިއެވެ.
“އެހެނެއްނޫން، އަހަރެން މީ ކާކު ޒައުލް ހުއްޓުވަން، ހިތަށް އެރީ ނިއުއިޔާރ އަންނަން ގިނަދުވަހެއް ނެތޭ، ޒައުލް މާލޭގަ ހުރެއްޖެނަމަ އެރޭ ހިނގާލަން ދާންކަމަށް” ޔޫހާ ބުނެލިއެވެ. އެއަށް ވަކިއެއްޗެއް ޒައުލް ނުބުންޏެވެ.
އެރޭގެ ދިހައެއް ޖަހަންވާއިރަށް ޔޫހާ ގެއަށްދިއުމަށް ހިނގައިގަތީ ޒައުލްއާއިއެކުއެވެ. ވަކި ހިސާބަކަށް ދިޔަތަނާހެން ޒައުލް ޔޫހާގެ އަތުގައި ހިފާލިއެވެ. އެއަތްތިލައިގެ އިނގިލިތަކުގެތެރެއަށް ޒައުލްގެ އިނގިލިތަށް މަހާލިއެވެ. ޒައުލް ޔޫހާގެ އިޙްސާސްތަައް ދެނެގަންނަން ބޭނުންވެފައިހުރި ގޮތަކަށް އޭނައަށް ބަލަމުންދިޔައެވެ. ނަމަވެސް ޔޫހާ އިސްއުފުލާ ބަލައެއްނުލިއެވެ. އެދެމެދަށްވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެކަކުވެސް އެއްޗެއް ބުނަންބޭނުން ނުވާކަހަލައެވެ. ޔޫހާ އުޅޭގެ ހުރިމަގަށް އެޅުމާއިއެކު އޭނަ ޒައުލްގެ އަތުގެތެރެއިން އަތްދަމައިގަތެވެ. ޒައުލްއަށް ޔޫހާގެ އެހަރަކާތް ނަގައިގަނެވުނެވެ. އޭނަ ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން ޔޫހާ އާއިއެކު ކުރިއަށްދިޔައެވެ.
އެރޭ ޔޫހާ ވަކިވެގެންދިޔައީ އަދި ފެންނާނަންތޯވެސް އެހުމެއްނެތިއެވެ. އޭނަ ކުރި ސުވާލުގެ ޖަވާބު ހޯދުމެއްވެސް ނެތިއެވެ. އެފަދަ ކުދިކުދި ކަންތައްތައް ޒައުލްއަށް އުނދަގޫކުރިއެވެ. އޭނަވެސް އެރޭ ރަޙުމަތްތެރިންނާއި ބައްދަލު ކުރުމެއްނެތި ދިޔައީ ގެއަށެވެ. މާމަ ލާއިގާއަށް ޒައުލް ފެނުމުން ޝަކުވާކޮއްލިއެވެ. މާލެ އަތުވެއްޖެނަމަ ގެއިން ބޭރުގައި މާގިނަ ވަގުތު ހޭދަކުރާކަމުގައި ބުނަމުންނެވެ. އަދި މަންސޫރަށް އެހީވުމުގައި ޒައުލް ނޫޅޭތީވެސް މެއެވެ.
“މާފުކުރައްވާ މާމާ، ގިނަދުވަސްތަކަކަށްފަހު ރަޙުމަތްތެރިއަކާއި ބައްދަލުވުމުން ވަގުތުދިޔަގޮތް ނޭގުނީ، ދެން އެހެނެއްނުވާނެ…އެކަމަކު، އަޅުގަނޑު އެއްކޮށް ކިޔަވާ ނިމިގެން ނޫނީ ބައްޕަގެ ވިޔަފާރީގެ ތެރެއަށް ވަންނާކަށް ގަސްދެއް ނުކުރަން” ޒައުލް ލާއިގާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
ޔޫހާ އާއި ޒައުލް ބައްދަލު ކުރަމުންގެންދިޔައީ ދެމީހުންގެ އާއިލާއަށްވެސް ނޭގިއެވެ. ޔޫހާ ކޮންމެ ދުވަހަކުހެން ޒައުލްގެ ހަބަރު ބަލާލާނެއެވެ. އޭނައަށް ވާޖިބުވެފައިވާކަމެއްހެންނެވެ. ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން އެކަމާވެސް ޖޯކުޖަހާ ހަދާނެއެވެ. ޒައުލް އާއި ޔޫހާގެ ގުޅުން ބަދަހިވަމުންދިޔަ ވަރަކަށް ރަޙުމަތްތެރިންގެ މެދުގައި ޔޫހާއަށް ކިޔެމުންދިޔަ އަގުވެސް ބޮޑުވަމުންދިޔައެވެ. ޒައުލްއަށް ދޭންވާ އަދަދު އިތުރުވުމާއިއެކު ރަޙުމަތްތެރިން އެގުޅުން ގެންދަންވި ހިސާބުވެސް ކަނޑައަޅަން ފަށައިފިއެވެ. ގިނަ ދުވަހެއްނުވެ ޒައުލް ޔޫހާގެ ގާތުގައި ރައްޓެހިވުމަށް އެހިއެވެ.
“އަހަރެން ހީކުރީ ޒައުލް ދުވަހަކުވެސް ނާހާނެކަމަށް” ސްކޫލް ނިމިގެން ގެއަށް ދިއުމަށް ހިނގަމުންދިޔަ ޔޫހާ ބުނެލިއެވެ.
“މިހާރު މިއެހީނު، އަހަންނާ ރައްޓެހިވާނަންތަ؟” ޒައުލް އަނެއްކާވެސް އަހާލިއެވެ.
“ހޫމް…” ޔޫހާ އެއްބަސްވިއެވެ.
ޔޫހާގެ ކިޔެވުމުގެ ފަހުއަހަރެވެ. ޒައުލް އާއި ގުޅުމުގެ ފުރުޞަތު ލިބުމުން އޭނަހުރީ އުފަލުންކަން ޒައުލްއަށް އެނގެއެވެ. އެހެނީ އޭނަގެ ކޮންމެ އިޝާރާތެއް އެކަމަށް ހެކިދެމުންދާކެމެވެ. އާއަހަރަށް ފަހު ޒައުލް އަނެއްކާވެސް ފުރައިގެން ދިޔައީއެވެ. އޭރުވެސް ޔޫހާއަށް ހަގީގަތްވަނީ އޮޅުވާލެވިފައެވެ. މިފަހަރު ޒައުލްއަށް އާދެވުނީ އަށްމަސްފަހުންނެވެ. އޭރު ޒައުލް އާއި ޔޫހާ ދިމާވިތާ އެއްއަހަރުވަނީއެވެ. ޒައުލް ކަންތައްކުރީ ކުރިންވެސް ކަންތައްކުރިގޮތަށެވެ. މާލެ އާދެވުމުން ޔޫހާއަށް ގުޅާލިއެވެ. އޭރު ޔޫހާ ކިޔަވާ ނިމިގެން ސަރުކާރުގެ ރަނގަޅު ވަޒީފާއަކަށްވަތްތާ ގިނަދުވަހެއް ނުވެއެވެ. މިފަހަރުވެސް ޔޫހާ އެއްވެސް ޝަކުވާއެއުކުރުމެއްނެތި ބޭނުންވީ ޒައުލް އާއި ބައްދަލުކުރުމަށެވެ.
“ކިހިނެއްތަ؟” ޔޫހާ ޒައުލް ފެނުމުން އަހާލިއެވެ.
” ރަނގަޅު، ކޮން އޮފީހަކަށް ވަނީ” ޒައުލް އަހާލިއެވެ.
“ފޮރިން މިނިސްޓްރީއަށް…ދެތިން ތަނަށް ސިޓީލައިގެން އެންމެ ފުރަތަމަ ލިބުނީ އެތަނުން” ޔޫހާ އޮޅުންފިލުވާދިނެވެ.
“ޔޫހާ ކިހިނެއްތަ؟ އަހަންނާ ރައްޓެހިވިގޮތައްތަ ތިހުރީ” ޒައުލް ޔަގީން ކޮއްލިއެވެ.
“އާން…އަހަންނަށް އެނގޭ ޒައުލް އެނބުރި އަންނާނެކަން، އަހަންނަށް ގުޅާނެކަން” ޔޫހާ ލުއިހިނިތުންވުމަކާއިއެކު ބުނެލިއެވެ.
“އަހަރެންގެ ހިތް ދަސްކުރަން އެހާ ފަސޭހަތަ؟” ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ނޫން، ވަކި އެހެނެއްނޫން…އަމިއްލަ ހިތަށް އަހަރެން އިތުބާރުކުރަމޭ…” ޔޫހާ މިފަހަރުވެސް ހިނިތުންވެލިއެވެ. އެތޫނުފިލި ދެލޮލުގައިވަނީ ކޮންފަދަ ޖާދޫއެއްކަމެއް ނޭގެއެވެ. ހިނދުކޮޅަކަށްވިޔަސް ޒައުލް އެލޮލުގެ ޖާދޫގައި ޖެހޭކަން އެއީ އޭނަ ހައިރާންވާކަމެކެވެ.
“އަހަރެންގެ ރަޙުމަތްތެރިން މިފަހަރުވެސް އެހި، ޔޫހާ ފެންނާނީ ކޮންދުވަހަކުންތޯ…އަހަންނަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނު…ދެން ކޮންއިރަކުންތަ ޔޫހާ އެމީހުންނާއި ބައްދަލު ކުރާނީ” ޒައުލް ދެރަވެލާފައިބުނެލިއެވެ.
“އަދި ކުރާނަން، އެކަމަކު ތަންކޮޅެއް ފަހުން…ތަންކޮޅެއް ގިނަދުވަހު މާލޭގަ މަޑުކޮއްނުލެވޭނެތަ” ޔޫހާ އަހާލިއެވެ.
“ދެން ފުރަން އޮތީ އަންނައަހަރުގެ ކުރީކޮޅު…އަންނައަހަރު ފެށެންވެސް އަދި އެބައޮތް ގާތްގަނޑަކަށް ތިންމަސްދުވަސް” ޒައުލް އެހެންބުނެލިއިރު ހީވަނީ ތިންމަސްދުވަހަކީ އޭނައަށްވަރަށް ގިނަ މުއްދަތެއްހެންނެވެ. ޔޫހާގެ އެރީތި މޫނުން ހާސްކަން ޒައުލްއަށް ފެނުނެވެ. އެހެންނަމަވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އަނެއްކާވެސް ހިނިތުންވެލިއެވެ.
“އެހެންވީމަ ޖެނުއަރީ ނޫނީ ފެބްރުއަރީ ހިސާބުގަ ދޯ ފުރާނީ މިފަހަރުވެސް، ބޯޓު ދަތުރުކުރާ މީހަކަށް ވަރަށް ފައިސާ ލިބޭތަ؟” ޔޫހާ ސުވާލުކޮއްލިއެވެ.
“އާން…އެހެންވެތާ ދާން މިޖެހެނީ، އަނެއްކާ އެހަރަ ބޮޑެތި ކަނޑުތަކުގައި ދަތުރުކޮއްލާއިރު ކިހާ މަޖާވާނެ…” ޒައުލް ލާނެތްގޮތަކަށް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.
“އެކަމަކު…ތިހެން އަބަދު ދަތުރުކުރަންޏާ ލައިފެއް ނުފެށޭނެއެއްނު…ޒައުލް މިކޮޅުގަ ހުރެގެން ކުރާކަހަލަ ވަޒީފާއެއް ހޯދަންވީނު” ޔޫހާ ހިޔާލު ފާޅުކުރިއެވެ.
“ލައިފެއް ފެށޭވަރަށް ފައިސާކޮޅެއް އެއްވީމަ މިކަން ހުއްޓާލާނަން، އަހަންނަށްވެސް އެނގޭ މީ އުމުރުދުވަހަށް ކުރެވޭވަރުކަމެއްނޫންކަން…” ޒައުލްގެ ވާހަކަތަށް ވަރަށްވެސް އޮމާނެވެ. ފަށުވިއެވެ. ޔޫހާ އޭނަގެ ވާހަކަތައް އަޑުއަހަމުންދަނީ ފޫހިކަމެއްނެތިކަން ގައިމެވެ.
ބޮޑުޗުއްޓީ ގާތްވަމުން އައިއިރު ޔޫހާގެ މަންމަ އެއަހަރުގެ ބޮޑުޗުއްޓީއަށް ރަށަށް އައުމަށްވަނީ އެދިފަކަމަށް ޒައުލްގެ ގާތު ޔޫހާ ބުންޏެވެ. އެހެންނަމަވެސް ޒައުލްގެ ރަޙުމަތްތެރިން އެދުނީ އާއަހަރު ފާހަގަ ކުރުމަށް އެމީހުންނާއިއެކު ޒައުލް ދާއިރު ޔޫހާވެސް ގެނައުމަށެވެ. ޒައުލްދެކެ ޔޫހާ ލޯބިވާކަން ޔަގީންކުރެވޭނީ އޭރުންކަމުގައި އެމީހުން ބުންޏެވެ.
“އައްދޭ، ތީ އެއްވެސް ކަމެއްނޫނެއްނު” ޒައުލް އޭނަގެ ރައްޓެހިންގެ ކުރިމަތީ ބޮޑާވެލިއެވެ.
“ބޯޓު ދަތުރުކުރަން އަނެއްކާވެސް ފުރަންޖެހުމުގެ ކުރިން މިފަހަރު ތިކަންވާނެ ކުރަން، އެހެންނޫނީ ޒައުލްއަށް އެކަން ނުވިކަމަށް އަހަރުމެން ނިންމާނީ…ދޯ…” ޖިނާ ދިމާކޮއްލާފަދަ ގޮތަކަށް ބުނެލިއެވެ. އަދި އެންމެން އެއްފަހަރާ ހޭންފެށިއެވެ.
“ޔޫހާ އަހަރެންދެކެ ލޯބިވަންޏާ މިފަހަރު ނުދާނެ ރަށަކަށް” ޒައުލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ވުޑްއެޕަލް ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި ޒައުލް އާއި ޔޫހާ ތިއްބެވެ.
“ޒައުލް، އަންޑަރސްޓޭންޑް ވެބަލަ، މިދިޔަ އަހަރުވެސް އަހަރެން ނުދަން ރަށަކަށް، މިފަހަރު މަންމަ ވަރަށް ބޭނުންވެގެންނޭ އެބުނީ އައިސްދޭށޭ…އަހަރެންގެ އާއިލާއަކީ އެއީނު…ލޯތްބާ އަހަރެންގެ އާއިލާ އާއި އަޅާނުކިޔަބަލަ” ޔޫހާ ވިސްނާދޭން ބޭނުންވެއެވެ.
“އަހަރެން ކިތަންމެ ކުޑަ ދުވަސްކޮޅެއް ޗުއްޓީއަށް ލިބުނަސް މިއަންނަނީ ޔޫހާ އާއި ބައްދަލު ކުރަން، އެކަމަކު ޔޫހާ ތިއުޅެނީ ފުރަންވެގެން، އަހަރެން ކިހާ އެކަނިވާނެ…ހުރިހާ ރަޙުމަތްތެރިންވެސް އުޅޭނީ އެމީހުން ރައްޓެހިވެގެން އުޅޭ ކުދިން ގޮވައިގެން، އަނެއްކާ މިފަހަރު އާ އަހަރު ފެށޭ ރޭ ސަފާރީ ދުއްވާލުންވެސް އެބައޮތް…އަހަރެން ޔޫހާ ގޮވައިގެން ދާން ބޭނުން…ޕްލީސް ޑޯންޓު ގޯ…އައިލް މިސް ޔޫ…” ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން އަސަރާއިއެކު ބުނެލިއެވެ.
ރޭގަނޑުގެ ހަމަހިމޭންކަމުގެތެރޭ ފިނިކޮއްފައިހުރި ބޮޑުކޮޓަރީގައި މަޑުތަންމައްޗެއްގައި ޒައުލް ނިދާފައިއޮތެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތް ކުޑަކުއްޖަކު ފަދައިންނެވެ. ނަމަވެސް އަރާމުނިދީގެ ތެރެއިން އޭނަ ހޭލައްވާލީ އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީއޮތް އޭނަގެ މޯބައިލް ފޯނުގެ ރިންގުންނެވެ. ނިދިބަރުކަމާއިއެކު ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ދެން ބަލާލެވުނީ ހަމައެމޭޒުމަތީގައި ހުރި ގަޑިއަށެވެ. ދަންވަރު ދެގަނޑިބައި ތިނެއްޖަހަނީއެވެ. އެނދުގައި ތެދުވެ އިށީނދެލަމުން އަތުން ދެލޯފޮހެލާފަދަ ގޮތަކަށް އަތްހާކާލިއެވެ. އަދި ދެލޯ ތަންކޮޅެއް ބޮޑަށް ހުޅުވާލާފައި ކަރުކެހިލަމުން ފޯނަށް ޖަވާބުދިނެވެ.
“ޒައުލް ނިދާފަ ދޯ އޮތީ…ސޮރީ ހޭލައްވާލެވުނީތީ…” ޔޫހާ ފޯނުން ބުނެލި އަޑުއިވުނެވެ.
“އާން، މިގަޑީގަ އެންމެންވެސް ތިބޭނީ ނިދާފައެއްނު…ކިހިނެތްވީ ޔޫހާ މިގަޑީގަ ތިގުޅީ” ޒައުލް އަހާލިއެވެ.
“އަހަރެން މިއުޅެނީ ނުނިދިގެން، ހަމަދެރަވަނީ ޒައުލް އާއި ދުރަށް ދާންޖެހޭތީ، އެނގޭ ކުޑަދުވަސްކޮޅަކަށްކަން، އެކަމަކު ޒައުލް މާލޭގަ ހުރި ދުވަސްކޮޅެއްގަ ދުރަށްދާން ޖެހޭތީ ދެރަވަނީ…” ޔޫހާގެ ވާހަކަ ޒައުލް މެދުކަނޑާލިއެވެ.
“އެހެންވީރު ރަށަށް ނުގޮސް މަޑުކުރަންވީނު” ޒައުލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
“ޒައުލް، އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ ތިހިރީ، އަހަރެން ވާހަކައެއް ބުނަންތަ؟” ޔޫހާ ވާހަކަދެއްކިއެވެ. ޒައުލް އާފުރެލަމުން ބުރަކައްޓާއި އެނދާއި ދޭތެރޭ ބާލީހެއް ހަމަޖައްސާލަމުން ލެނގިލިއެވެ.
“ހޫމް، ބުނެބަލަ…” ޒައުލް ބުނެލިއެވެ.
“ޒައުލްވެސް ޗުއްޓީއަށެއްނު ތިހިރީ މާލެ އައިސް، ހިނގާ އަހަންނާއިއެކު އަހަރެންގެ ރަށަށް ދާން، އަހަރެންގެ ގޭގަ ހުންނާނެ ޒައުލް ހުންނާނެ ކޮޓަރިއެއްވެސް…އަހަރެން ޒައުލްއަށް ހުރިހާ ކަމެއްވެސް ކޮއްދޭނަން، ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ، އޭރުން އަހަރެންގެ މަންމަ އާއިވެސް ޒައުލް ބައްދަލުވާނެ…” ޔޫހާ އޭނަގެ ހިޔާލު ފާޅުކުރަމުންދިޔައެވެ.
“ޔޫހާ…ޔޫހާ….އަދި ތިހިސާބަށް ދާން މާއަވަސް، އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރަން ބޭނުންނުވަނީކީ ނޫން، އެކަމަކު އަދި ތިހާ ބޮޑު ފިޔަވަޅެއް އަޅަން އަހަރެން ތައްޔާރެއްނޫން، މިގަޑީގަ ތިކަމާ ނުވިސްނާ ހިނގާ ނިދަމާ…މާދަން ހަމަޖެހިލައިގެން ތިބެ ތިވާހަކަ ދައްކާނީ…ޔޫހާ މާދަން އޮފީހަށްވެސް ދާންޖެހޭނެއެއްނު، އެހެންވީމަ އަވަހަށް ނިދާ، އެހެންނޫނީ ހެނދުނު ނުހޭލެވިދާނެ” ޒައުލް ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ.
“ފޯނު ބާއްވަންވީތަ” ޔޫހާ ބޭނުންނުވާފަދަ ގޮތަކަށް އަހާލިއެވެ. އެހެންނަމަވެސް ޒައުލްގެ ބުނުމަށް އޭނަ ފޯނު ކަނޑާލިއެވެ. ޒައުލް ފޯނަށް ބަލާލަމުން ފުންނޭވާއެއް ބޭރުކޮއްލިއެވެ. އޭނަގެ ނިދިފިލާ ގޮއްސިއެވެ. އެނދުގައި ހަށިގަނޑު ދަމާލަމުން ޔޫހާ ދެއްކިވާހަކަ އާއިމެދު އޭނައަށް ވިސްނާލެވުނެވެ. ޔޫހާ އޭނަ އާއި ހެދި ޝައުގުވެރިވެފައިވާވަރު ޒައުލްއަށް އެނގެއެވެ. ބައެއްފަހަރު އެއަންހެން ކުއްޖާ އާއިމެދު ހަމްދަރުދީއުފެދި އެދެމެދުގައިވާ ގުޅުން ކަނޑާލުމަށް އޭނަ ހިތަށްއަރައެވެ. ނަމަވެސް އެކަންކުރެވޭތަނެއް ދުވަހަކުވެސް ނައެވެ. ހަގީގަތަށް ބުނަންޏާ ޔޫހާ ފެނިލުމުން އޭނައަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިއްބައިދެއެވެ. ޔޫހާ އޭނައަށްޓަކައި އިންތިޒާރު ކުރާކަމީ އަޖައިބެއްފަދަ ކަމެކެވެ. ޔޫހާއަކީ ފަތްމިންޏެއްފަދަ ރީތި ކުއްޖަކަށްވީހިނދު، އެފަދަ އަންހެނުން ބޭވަފާތެރިވާލެއް އަވަސްވާނެކަމަށް ޒައުލް އަބަދުވެސް ދެކެވެ. ޔޫހާ އޭނައާއި އިތުރު ސުވާލެއް ނުކުރާކަމީވެސް އެކަމުގެ ހެއްކެއްކަމުގައި ނޫނީ ނުވާނެކަން ޒައުލް ހީކުރިއެވެ. އޭނަ ކިޔަވަން ބޭރުގައި ހުންނައިރު ޔޫހާ ކޮންމެ ގޮތަކަށް އުޅުނަސް އޭނައަކަށް ނޭގޭނެވިއްޔާއެވެ. ވިސްނިވަރަކަށް ޒައުލްއަށް ޔޫހާގެ ރީތިކަމަކީ ވިހަގަދަ ނާގުހަރުފައެއްގެ ވިހަޔަށްވުރެސް ނުބައި ވަރުގަދަ ވިހައެކެވެ. އަބުރުވެރިކަމަށް ހެދިގެން އުޅުމަކީވެސް ބައެއް އަންހެނުންގެ ހުނަރެއްކަމުގައި ޒައުލް ދެކުނެވެ. ޔޫހާ އާއިމެދު ވީ ހަމްދަރުދީ ހިނދުކޮޅެއްގެ ތެރޭ ފިލައިގެން ގޮއްސިއެވެ.
ގޭތެރޭގެ ރީތި އާދަތަކާއި މާމަ ލާއިގާގެ އުސޫލުތަކަށް ބޯލެނބުމުގެ ގޮތުން ޒައުލް ހެނދުހެނދުނާ ތެދުވިއެވެ. އެހެންނަމަވެސް ހެނދުނުގެ ނާސްތާއަށްފަހު އެނބުރި ކޮޓަރިއަށްވަތް ޒައުލްގެ ދެލޮލުގެ އެތެރެ ފެންނަވަރުވީ މެންދުރުވީފަހުންނެވެ. އެވެސް ކޮއްކޮ އީލާކް އައިސް ކޮޓަރި ދޮރުގައި ތަޅާވަރުންނެވެ. މެންދުރުގެ ކެއުމުން އަވަދިވުމާއިއެކު ޒައުލް ލާއިގާގެ ހުއްދަ އާއިއެކު ކާރުގައި ނުކުތީ އޭނަގެ ރަޙުމަތްތެރިންގެ ގާތަށް ދިއުމަށެވެ. އެމީހުން މިހާރު ތިބޭނީ ޒައުލްގެ އިންތިޒާރުގައިކަން އެނގޭތީވެސްމެއެވެ.
“ހާދަ ލަސްވީ، ރޭގަ ނުނިދަންތަ، އެގެއަށްވަނީތަ؟” ލާނެތް ގޮތަކަށް ޖިނާ އަހާލިއެވެ.
“މަމީ ތިކަހަލަ ވިޔާނުދާ ކަންތައްތައް ކުރާ މީހެއްނޫން…” ޒައުލް އަމިއްލަ ނަފްސުގެ މައްޗަށް ފަޙުރުވެރިވަމުން ބުނެލިއެވެ.
“ބަލަ ދަތްހުއްޓައޭ ކާށިކެވޭނީ ބުނޭ، އަނެއްކޮޅުން އަތުގަ ކޭތެންޏާ ދަތުގަވެސް ކޭތޭނެއެއްނު، އެއީ މައްސަލައެއްނޫނޭ….މީނަމީ ކަމެއްވެސް ވާ މީހެއްނޫން…” ޖިނާ އަނެއްކާވެސް ދިމާކޮއްލިއެވެ.
“އޭނަގެ އެއްބައި ހިއްސު ރަނގަޅަށް މަސައްކަތްނުކުރަނީކަންނޭގެ…” ޖިނާ އާއި ޖެހިގެން އިން ޒައުލްގެ އެހެން ރަޙުމަތްތެރިއަކު ބުނެލިއަޑުއިވުނެވެ. އެއާއިއެކު ޗޮކެއްކަނޑާލަމުން އޭނަގެ ކަރުގައި ޒައުލް އެލިގަތެވެ.
“އޭ، ތިއެއްނޫނޭ، ތިކަމަށްވުރެ ބޮޑުކަމެއް ކުރިމަތިވެގެންނޭ މިއުޅެނީ” ޒައުލްގެ ރޭގެ ނިދި ނަގާލި ވާހަކަކިޔާދޭން ފެށިއެވެ.
“ހުވާތަ…އެމަންޖެއަށް ހާދަވަރެއްވެއްޖެޔޭ ދޯ…” ޒައުލް ޔޫހާ ފާޅުކުރި ހިޔާލު އެކުވެރިންނާއި ހިއްޞާކޮއްލުމުން އެތަނުން އެކަކު ބުނެލިއެވެ.
“މަށަށް ބުނާނެ އެއްޗެއްވެސް ނޭގުނު، އަވަހަށް ފޯނު ބޭއްވީ….އޭނަ އޮފީސް ނިންމާފަ މަށަށް ގުޅާނެކަން ޔަގީން، ހިތަށް އެބައަރާ މިކަންތައް ނިންމާލަންވީއޭ…” ޒައުލް ސީރިއަސްވެލިއެވެ.
“ނޫން، އޭރުން އަހަރުމެންނާ ހެދި ޑީލް ބްރޭކްވީއެއްނު، އަހަރުމެންނާ ޔޫހާ އާއި ބައްދަލުކޮއްދީފަ ތިކަންނިންމާލަންވާނީ” ޖިނާ އެދުނެވެ.
ރަޙުމަތްތެރިންގެ އޮލަވާހަކައިގައި އިން ޒައުލްއަށް އޭނަގެ މާމަ ގުޅިއެވެ. އަވަސް އަވަހަށް ކައިރީގައި އިން ރަޙުމަތްތެރިއެއްގެ ނަން ބުނެލާފައި އެގޭގައި އިންކަމުގައި ބުނެ ދޮގެއްހަދާލިއެވެ. ހަވީރުގެ ސައިބޮއެގެން ނޫނީ އެނގެއިން ދިއުމުގެ ހުއްދަނުދެއްވިކަމުގައި ބުނެ ފޯނުބޭއްވިއެވެ. އެއާއިއެކު ހުނުމުގެ އަޑުފަޅައިގެން ދިޔައެވެ.
ޔޫހާ ގެ ފޯންކޯލް އައުމާއިއެކު ޒައުލްއަށް އިންތަނުން ތެދުވެވުނެވެ. ހަރަކާތް އަވަސް ކޮއްލާފައި ޔޫހާ އޮފީހުން ނިމުނީކަމުގައި ބުނެ ރަޙުމަތްތެރިންނާއި ވަކިވިއެވެ. ފޮރިން މިނިސްޓްރީގެ ގޭޓުކައިރީ މަޑުކޮއްލައިގެން ހުރި ޔޫހާ ދުރުންވެސް ޒައުލްއަށް ފާހަގަވިއެވެ. ޔޫހާ އާއި ގާތްވުމާއިއެކު ފިރިހެންވަންތަކަމުން ފުރިގެންވި ހިނިތުންވުމެއް އޭނައަށް ދެމުން އަތްދިއްކޮއްލީ ހިނގާށޭ ދާން ބުނަމުންނެވެ. ޔޫހާ ހިނިއައިސްފައި އަވަސް އަވަހަށް ޒައުލްގެ އަތްތިލާގެ ތެރެއަށް އޭނަގެ އަތްލައްވާލިއެވެ.
“އަހަރެން ބުނި ކަންތަކާ ވިސްނާލިންތަ؟” ޔޫހާ ހުރީ ކެތްމަދުވެފަ ހުރިހެންނެވެ.
“ހޫމް…ވިސްނިން، އެކަމަކު، އަދި އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރާކަށް ތައްޔާރެއްނޫން، އަހަންނަކަށް ޔޫހާ އާއި މިހާރު ކައިވެނި ކުރެވޭކަށްވެސް ނެތް…އެހިސާބަށް ދިއުމުން ނޫނީ އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލުކުރާކަށް ބޭނުމެއްނޫން، އަހަންނަކީ ޔޫހާއަށް ގާބިލް މީހަކަށްވާންބޭނުން، އަދި ވަގުތު ބޭނުން އަހަރެން…ޔޫހާ އަންޑަސްޓޭންޑު ވާނެކަމަށް ހީކުރަން…” ޒައުލް ޔޫހާ އާއިއެކު ހިނގަމުން ވާހަކަދެއްކިއެވެ.
“އަހަރެން އަންޑަސްޓޭންޑްވޭ، އަހަރެންވެސް ޒައުލް ކައިރީ ނޭދެން ކައިވެނި ކުރާކަށް، އެކަމަކު ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަންވެސް ބޭނުން، ޒައުލް ބޭނުންނުވާކަމެއް އަހަރެން ކުރުވާކަށްނެތިން…” ޔޫހާ އިސްޖަހާލިއެވެ.
“ޔޫހާ ނުގޮސް ފަރުޖެހޭނެ ގޮތެއް ހަމަ ނޯންނާނެތަ؟ ކިހިނެތްވާނީ އަހަރެން ފުރީމަ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއެއް ނަގައިގެން ރަށަށް މަންމަމެންގެ ގާތަށް ދިއުން…އޮފީހުން ދެހަފްތާވަރަކަށް ދުވަހުގެ ޗުއްޓީއެއް ނުދޭނެތަ…” ޒައުލް އޭނަގެ ހިޔާލު ފާޅުކުރިއެވެ.
“އަހަރެން ތިކަމާ ވިސްނާނަން، ކުޑަ ޗާންސްއެއް އޮތްނަމަވެސް އަހަރެން ޒައުލްއާއި ދުރަކަށް ނުދާނަން، އޯކޭ…އުފާވެއްޖެތަ؟” ޔޫހާ ހިނިތުންވެލަމުން ޒައުލްއަށް ބާލިއެވެ. ޒައުލް ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ޔޫހާގެ އުދާސްކަން ވެރިވެފައިވާ މޫނު ފޮރުވާލުން އެހާ ފަސޭހަކަމަކަށް ނުވިއެވެ. ޒައުލްއަށް އެމޫނުމަތީގައިވާ އެއްޗެއް ފަސޭހަކަމާއިއެކު ދެނެގަންނަން އެނގުނެވެ.
އާއަހަރު ފެށުމަށް ދެގަޑިއިރަށްވެފައިވެއެވެ. އެހެންއަހަރުތަކާއި ހިލާފަށް އާއަހަރު ދިމާވީ ފުރިހަމަ ހަނދަކަށްވުރެ ބޮޑުކޮށް ހަނދުއިންރެއަކާއެވެ. ސަފާރީގެ ޑެކުގައި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ތިބިއިރު ކޮންމެ މީހެއްގެ އަތުގެތެރޭ އަންހެން ކުއްޖަކުވިއެވެ. ޒައުލްގެ މޫނުމަތިން ފެންނަނީ އޭނައަށް ލިބުނު ކާމިޔާބީގެ އުފާވެރި ކުލަވަރެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނިވައިރޯޅީގައި ވަށައިގެންވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭ ރަތްކުލައަކަށްދާ ބޮޑު ހަނދުފެންނަނީ ކިތަންމެހާވެސް ހުވަފެނީކޮށެވެ. ލޯބިވެރިންނަށްޓަކައި ފަޒާޔަށް މަސްތަކުކަމެއް ވެރިކުރުވާފައިވާ ކަހަލައެވެ. ކޮންމެ މީހަކުވެސް ދިޔައީ ގަޑިއަށް ބަލަމުންނެވެ. ބާރަޖަހަން ފަސްވަރަކަށް މިނެޓަށް ވުމާއިއެކު ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ލައިގެން ތިބި ޓީޝާރޓުތައް ބާލާލުމަށްފަހު މޫދަށް ފުންމާލުމަށް ތައްޔާރުވިއެވެ. ސަފަރީތެރޭގައި ހުނުމުގެ އަޑާއި ސަކަރާތުގެ އަޑުތައް ގުގުމައިގެންދިޔައެވެ. ފަތާލާފައި ދެވޭހާ ހިސާބުގައި ފިނޮޅެއް ފެންނަންއޮތެވެ. ސަފާރީއަޅާފައިއޮތީ ފަޅެއްގައެވެ. އޭގެ ވަށައިގެން ދިއްލާލާފައިހުރި ލައިޓުތަކުގެ އަލި ފަޅުގެ ލޮނުގަނޑަށް އެޅިފައިހުރިއިރު ނުހަނު ހިތްގައިމެވެ.
“ހުރިހާ އެންމެންވެސް ޖެހޭނެ މޫދަށް ފުންމާލަން…” ޖިނާ ބުނެލިއެވެ.
“ޒައުލް، އަހަންނަށް ވަރަށް އަވަހަށް ފިނިވާނެ، އަނެއްކާ ފަތާކަށްވެސް ނޭގޭ…ވަރަށް ބިރުގަނޭ މޫދަށް އެރެން” ޔޫހާ ކަންބޮޑުވިއެވެ.
“އަހަރެން މިހިރީނު، އަހަންނަށް ފަތަން އެނގޭ، އަހަރެން ޔޫހާ ގެނބުނަކަ ނުދޭނަމޭ…” ޒައުލް ބުނެލިއެވެ.
“ނޫން…މޫދަށް އެރޭކަށް ނުކެރޭނެ….ޕްލީޒް…” ޔޫހާ އިންކާރުކުރިވަރުން ޒައުލް އެއްބަސްވިއެވެ. އެހެންނަމަވެސް ގަޑިޖެހުމާއިއެކު ހުރިހާ އެންމެން ހަޅޭލަވަންފެށިއެވެ. އަދި ފަހަރަކު މީހަކު މޫދަށް ފުންމަންފެށިއެވެ. ޒައުލްވެސް ޔޫހާއަށް ބަލާލުމެއްނެތި ހަޅޭލަވަމުން މޫދަށް ފުންމާލައިފިއެވެ. ގިނައިރެއްނުވެ ޒައުލް އަޑިއަށްގޮސް ލޮނުގަނޑުން މައްޗަށް ބޯހިއްލާލިވަގުތު އެތަން ބަލަންހުރި ޔޫހާގެ ބުރަކަށީގައި އަތްއަޅާ ޒައުލް އާއި ދިމާލަށް މީހަކު ކޮއްޕާލިއެވެ. ޔޫހާގެ ހަޅޭކުގެ އަޑުއިވިގެންދިޔައެވެ. ޒައުލް ހުށިޔާރުކަމާއިއެކު ޔޫހާގެ އަތުގައި ހިފާ ލޮނުގަނޑުން މައްޗަށް އުފުލާލިއެވެ.
“ހެޕީ ނިއު އިޔާރ…” ހިނިއައިސްފައި ޒައުލް ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލުމަށްފަހު އޭނަގެ ކަރުގައި ދެއަތްއަޅުވާލަމުން އޮޅުލައިގަތެވެ.
“ޔޫހާ…އަހަރެން ޔޫހާ ގެނބުނަކަ ނުދޭނަމޭ، ޖަސްޓް ރިލެކްސް…ސިލީ ގާރލް…ހަށިގަނޑު ރިލެކްސް ކޮއްލަބަލަ…” ޒައުލް ޔޫހާއަށް ހަމަޖެހިލުމަށް އެދެމުންދިޔައެވެ. ޖިނާ އާއިއެކު ހުރިހާ އެކުވެރިން ފަތާފައި ފިނޮޅާއި ދިމާލަށް ދާތަން ޒައުލްއަށް ފެނުނެވެ. އެހެންނަމަވެސް ޔޫހާ އޭނަގެ ގައިގާ އައްޓަން މަހެއްހެން ތަތްކޮއްލާފައި ވުމުން ފަތައިގަންނާކަށް ފަސޭހައެއްނުވިއެވެ. އެންމެފަހުން ސަފާރީގެ ސިޑިއާއި ދިމާލަށް ގޮސް ޔޫހާ ސަފާރީއަށް އެރުވިއެވެ.
“ކުރިން ނުވެސް ބުނޭ މޫދަށް އެރެން ޖެހޭނެއެކޭ….އަހަރެން ނުލާހިކު ބިރުގަނޭ….” ޔޫހާ ޝަކުވާކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި ސަފާރީގެ ކޮޅުގައި ކަހަލަގޮތަކަށް ގޮސް އިށީނދެއްޖެވެ. ޒައުލްއަށްވެސް ޖެހުނީ ޔޫހާގެ ފަހަތުން ސަފާރީއަށް އަރަންށެވެ. ޔޫހާ އެކަނި ސަފާރީގައި ބައިންދާފައި ދާން އޭނައަށް ނުކެރުނީއެވެ. އަދި އެއީ އިންސާފުވެރިގޮތަކަށްވެސް ނުވާނެތީއެވެ. ޒައުލް ސަފާރީގެ ގެގަޑުތެރެއަށްވަދެފައި ނުކުތީ ކުޑަފެންފުޅިއެއް ހިފައިގެންނެވެ. އަދި އެފެންފުޅި ޔޫހާއަށް ދިއްކޮއްލުމަށްފަހު ތަންކޮޅެއް ދުރުގައި އީށީނެވެ.
ޒައުލް ނުބަލަން މަސައްކަތްކުރިކަމުގައިވިޔަސް ޔޫހާގެ ހަރަކާތްތަކަށް އޭނަގެ ނަޒަރު ހުއްޓެމުންދިޔައެވެ. ޔޫހާ އިންތަނުން ތެދުވެ މޫދާ ދިމާލަށް ކުޑަކޮށް ގުދުވެލަމުން އަތުގައި އޮތް ފެންފުޅިން މޫނަށް ފެންގޮއްޓެއް ޖަހާ އަތުން މޫނުގައި ހުރި ލޮނުގެ އަސަރު ކަނޑުވާލިއެވެ. އަދި މައްޗަށް ބޯއުފުލާލަމުން ފެންފުޅިއަނގަޏަށް ދިމާކޮއްލިއެވެ. ޔޫހާގެ ކޮންމެ ހަރަކާތަކަށް ޒައުލްގެ ސަމާލުކަން ހުއްޓެމުންދިޔައެވެ. ނަލަ ހަނދުވަރުގައި ޔޫހާ އެކޭ ފަރިވެފޮޅިލާފައިވާ ތާޒާ ފިނިފެންމަލެކޭ އެއްވަރެވެ. ފެންތިކި ތަޅަމުންދިޔަ އިސްތަށިގަނޑުގެ ދަށަށް ދެއަތްތިލަ ލައްވާލަމުން ޔޫހާ އޭނަގެ ބުޅި އިސްތަށިތައް ވިހުރާލިއެވެ. އިސްތަށިތައް ވަކިވަކިކޮއްލުމުގެ ބޭނުމުގައެވެ. ޒައުލްއަށް ހީވީ ފެނުޕަރީއެއް ލޮނުގަނޑުން މައްޗަށް ހިއްކާލިހެނެވެ. އިންތަނުން ތެދުވެވުނީ ކިހިނެތްކަމެއް އޭނައަކަށް ނޭގެއެވެ. މަޑުމަޑުންގޮސް ޔޫހާގެ ކައިރީ ހުއްޓެވުނެވެ. ޒައުލްގެ އެއްވެސް ހަރަކާތެއްގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އަނެއްކޮޅުން އޭނަގެ އެއްވެސް ހަރަކާތެއް ހުއްޓުވަން ޔޫހާވެސް ބޭނުންނުވާކަހަލައެވެ. ތަރިތަކުގެ ވިދުމަށް ގޮންޖަހާލާފަދަ ތޫނު ކަޅިރަވައިގެ ޖާދޫގައި ޒައުލްޖެހިފައިވަނީ ވަށައިގެންވާ އެއްވެސް ކަމެއް ނޭގޭހާވަރަށެވެ. މަސްތުކަމުގެ ވައިރޯޅިތައް ދެހަށިގަނޑުގައި ބީހިލާފައިދަނީ އެއްފަހަރަށްވުރެ އަނެއްފަހަރު ގާތްކޮއްލަމުންނެވެ. ޔޫހާގެ އެރީތި ބޮޑުދެލޮލުގައި ޒައުލްއަށް ބޮސްދެވުނެވެ. އެހިނދު ޔޫހާ އެއަތުގެތެރެއަށް ވިރިގެންދިޔަފަދައެވެ. ޒައުލްއަށް ޔޫހާ އެއަތުގެ ތެރޭ ހިފަހައްޓާލެވުނެވެ. އެފަދަ ބާރެއް އެހަށިގަނޑަށް ލިބިފައިވާކަމެއް ހުދު ޒައުލްއަށްވެސް މީގެ ކުރިއަކުން ނޭގެއެވެ. ޔޫހާގެ ރީތި މޫނާ ހަށިގަނޑުގެ ސިހުރުގައި ޒައުލް ޖެހުނީ އެނބުރި ހަމަބިމަށް އާދެވޭވަރަށްވުރެ މާބޮޑަށެވެ. ހުވަފެނީ ޢާލަމަކަށް ދެޖިސްމު އުދުއްސައިގަތީ ކިހިނެތްކަމެއް ނޭގެއެވެ. ދެހަށިގަނޑުގެ ލޭހޫނުވެ ވިންދުއަވަސްކުރުވިއެވެ.
ސަފާރީގައި ހަދާފައި ހުރި ކޮޓަރިއެއްގެ އެނދުގައި ޔޫހާ ނިދާފައި އޮތް މަންޒަރު ބަލަން ޒައުލްއަށް އިނދެވުނެވެ. އެސިކުނޑި ހާސްކުރުވަމުންދިޔައީ ޔޫހާއަކީ އޭނަ ހީކުރިފަދަ އަންހެން ކުއްޖަކަށް ނުވުމުންނެވެ. އެމަލުން ފޮނިބޮއެ، އެމާ ބިނދެ އޭގެ ތާޒާކަން ގެއްލުވާލި މީހަކީ ޒައުލްއަށް ވީތީއެވެ. އެމަލުގެ ފިޔަތަށް ރޫޅާލީ ހަމަ ޒައުލްގެ ދެއަތުންނެވެ. އަތުގައި އޮތް ފެންފުޅީގައި ތުންޖަހާ އަނެއްކާވެސް ފެންކޯވަރެއް ބޯލައިފިއެވެ. އަމިއްލަ ނަފްސު އޭނައަށް ކުއްވެރިކުރެވުނީ އެހާ ދަށުދަރަޖައަކަށް އޭނައަށް ދެވުނީތީއެވެ. ޒައުލްއަށް ހިންގުނު ޢަމަލަކީ އޭނަގެ އަމިއްލަ ޒަމީރަށްވެސް މަލާމާތްރައްދުވާފަދަ ޢަމަލެކެވެ. އަމިއްލަ ނަފްސާމެދުވީ ފަޙުރުވެރިކަން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ގެއްލިދިޔައީއެވެ. ޒައުލް އިންތަނުން ތެދުވެގެން ސަފާރީގެ ޑެކުމައްޗަށް ނުކުތެވެ. އޮއްސެމުންދިޔަ ހަނދަށް ޒައުލް ބަލާލިއެވެ.
“ކީއްވެ…” ޒައުލް އޮއްސެމުންދިޔަ ހަނދާ ވިދުން ކެނޑެމުންދިޔަ ތަރިތަކާ ސުވާލުކުރާކަހަލައެވެ. އޭނަގެ އަމިއްލަ ނަފްސާ އެއްވަރަށް ހަނދާ އެހަނދުން އެޅިފައިވާ ނަލަ ހަނދުވަރު ކުއްވެރިކުރިއެވެ. ފަލަކުގައި ވިދާބަބުޅަމުންދިޔަ ތަރިތަށްވެސް މެއެވެ. ފަޒާގައި ޖެހެމުންދިޔަ މަޑުމަޑު ފިނިފިނި ވައިރޯޅިވެސް ކުއްވެރިކުރިއެވެ. އަތުގައި އޮތް ފެންފުޅި ޑެކު މައްޗަށް ވެއްޓުނު އަޑާއިއެކު ދެން ފެނުނީ ދުވެފައިގޮސް ޒައުލް މޫދަށް ފުންމާލިތަނެވެ. ލޮނުގަނޑުގެ ތެރެއަށް ފީނައިގަތުމަށްފަހު މައްޗަށް އެރިއެވެ. ސިކުނޑީގެ ހާސްކަމަށް ފިނިކަމެއްނުލިބުނެވެ. އެތަށް ފަހަރަކު އޭނަ ލޮނުގަނޑުގެ ތެރެއަށް ފީނައިގަނެފައި މައްޗަށް އެރިއެވެ. އެގޮތަށް މައްޗަށް އެރިފަހަރެކެވެ. ޒައުލްގެ ލޮލުގައި ސަފަރީގައި އޭނަ އާއި ދިމާލަށް ބަލަން ހުރި ޔޫހާ އަޅައިގަތެވެ. ވަޔާއިއެކު އެއްއިސްތަށިއަނެއްއިސްތައްޓާއި ކުޅެމުންގޮސް ޔޫހާގެ މޫނުގައި ބީހިލައެވެ. މަޑުރަތްކުލައިގެ ފިނިފެންމަލުގެ ފިޔައެއްފަދަ ތުންފަތަށް ލުއިހިނިތުންވުމެއްވެރި ކުރުވާފައިވެއެވެ. ޔޫހާ މަޑުމަޑުން ހަތްހޫރާލިއެވެ. އެހެންނަމަވެސް ޒައުލް ފީނައިގަތި އަޑިއަށެވެ. ނޭވާ ހިފަހައްޓާލެވޭ އެންމެ އަޑިއަކަށް އޭނަ ދިޔައެވެ.
ފަތިހު ފަހެއްވެސް ޖެހިފަހުން ޒައުލްގެ އެކުވެރިން ސަފާރީއަށް އެރިއެވެ. ޒައުލް ބޭނުންވީ އަވަހަށް މާލެ ދިއުމަށެވެ. ޒައުލް އާއި އެންމެ ގާތްކޮށް އުޅޭ ޖިނާ ކިހިނެތްތޯވީ ސުވާލުކުރިއެވެ. ނަމަވެސް ޒައުލް އެކަމާ ވަކި އެއްޗެއް ނުބުނެއެވެ. ފަހުން ޒައުލް ބަހަނާއެއްކަމުގައި ދެއްކީ އޭނަގެ މާމައެވެ. ހުރިހާ އެކުވެރިންނަށް ޒައުލްގެ މާމަގެ ގޮތެއް އޮޅިފަކައި ނޯންނާނެއެވެ. އެހެންވެ ސަފާރީގެ މިސްރާބު މާލެ އާއި ދިމާލަށް އަނބުރާލިއެވެ.
އެރޭގެ ސަފާރީގައި ހިނގި ހާދިސާއަށްފަހު ޒައުލްގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ. އޭނަ ޔޫހާ ގުޅިއަސް ފޯނެއްނުނަގައެވެ. އެއްވެސް ހަބަރެއް ނުވެއެވެ. އެގޮތުގައި ދެހަފްތާވަރު އުޅުނެވެ. ގެއިންބޭރަށް އެއްގޮތަކަށްވެސް ނުނިކުންނަނީއެވެ. އަބަދު އޮންނަނީ ކޮޓަރީގައެވެ. އެކަމަކު އެއީ އަދި ރަނގަޅު ގޮތެއްނޫންކަން އޭނަގެ ޒަމީރު ވިސްނާދިނެވެ. ޔޫހާއަށް ހުރިހާ ވާހަކައެއް ކިޔާދޭން ޒައުލްގެ ހިތަށްއެރިއެވެ. ލިބުނު ކުޑަކުޑަ ހިތްވަރާއިއެކު ޔޫހާއަށް އޭނަގުޅިއެވެ. އަދި ބައްދަލު ކުރުމަށް ބޭނުންވާ ވާހަކަ އާއި ދާންވީތަން ބުނެލިއެވެ. މީގެކުރިން ޒައުލް އަބަދުވެސް ޔޫހާ ބަލާދާނެއެވެ. ދާތަނަކަށް ދަނީ ޔޫހާ ގޮވައިގެންނެވެ. އެހެންނަމަވެސް އެގޮތަށްވެސް ޔޫހާ އެއްބަސްވިއެވެ.
އިރުއޮއްސުނުވަގުތެވެ. އާރޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި ތަންކޮޅެއް އެކަހެރިކޮށް އިން އަންހެން ކުއްޖާއަށް ޒައުލް ބާލިއެވެ. ޔޫހާކަން ޔަގީންވުމުން އެގޮނޑީގައި އީށީނެވެ.
“ހާއި…” ޒައުލް އިށިންނަމުން ބުނެލިއެވެ. ޒައުލް އިށީނީ ޔޫހާއަށް ފުރަގަސްދެމުންނެވެ. އެދެމެދުގައި އަދި އެކަކަށް އިށީނދެވޭނެހާ ޖާގަހުއްޓެވެ.
“ހާއި…” ޔޫހާގެ ބަލާލުމުން އޭނަ ޖަވާބު ބޭނުންވެފައިވާކަން އެނގެއެވެ.
“ޔޫހާ….އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން، އަހަންނަކަށްނެތް ޔޫހާ އާއިއެކު އިތުރަށް މިގުޅުން ކުރިއަށް ގެންދެވޭކަށް….އަހަރެން….އަހަރެން ޔޫހާދެކެ ލޯތްބެއްނުވޭ، އެކުގައިއުޅެން ދެމީހުންވެސް ލޯބިވުން މުހިއްމު، އަހަރެންނަށް ޔޫހާދެކެ ލޯބިނުވެވޭއިރު….އެންޑް އައިމް ރިއަލީ ސޮރީ އަބައުޓް ދެޓްނައިޓް، އެރޭ ހިނގި އެއްވެސް ކަމަކީ އަހަރެން ގަސްދުގަ ކުރިކަމެއްނޫން، ޕްލީޒް، އެކަންތައްމަތިން ހަދާންނައްތާލާ…އަހަރެންވެސް ބޭނުންވަނީ އެގޮތް…” ޒައުލް ޔޫހާއަށް ބަލާލިއެވެ. އޭނަ އިސްޖެހިފައި ބަހެއްވެސް ނުބުނެއިނެވެ. ޒައުލްއަށް އިތުރަށް އެއްވެސް އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނަ ޔޫހާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
ގަޑިއެއްހާއިރު ވޭތުވެގެންދިއުމުން އިތުރަށް ޒައުލްއަކަށް ކެތެއްނުވިއެވެ. އޭނަ ޔޫހާއަށް ބަަލާލަމުން ގެއަށް ދިއުމަށް އެދުނެވެ. އެހިނދު ޔޫހާ ގޮނޑިން ތެދުވިއެވެ. އަދި އާރޓިފިޝަލް ބީޗުން ނުކުތުމަށް ހިނގައިގަތެވެ.
“އަހަރެން ޔޫހާ ގެއަށް ލާދީފާނަން” ޒައުލްއަށް ޔޫހާ އެކަނި ގެއަށް ފޮނުވާލަން ނުކެރުނީއެވެ. އޭނަ އާއި އެއްވަރަށް ޔޫހާ ހިނގަމުންދިޔައީ ބަހެއްވެސް ބުނެނުލައެވެ. އެކަމުގެ ސަބަބުން ޒައުލް އިތުރަށް ހާސްވިއެވެ. އެހިތާ ސިކުނޑީގައިވާ އެއްޗެއް އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ. އެހެންވިޔަސް ޔޫހާ ދުވަހަކުވެސް އޭނަގެ ހިތުގައިވާ އިޙްސާސްތަކުގެ ވާހަކައެއް ބޭރަށް ފާޅުކޮއްފަކައިނުވެއެވެ.
“އަހަރެން މިއުޅެނީ ކާރުގަ، މިދިމާލުގަ ކާރު ޕާކުކުރީ…” ޒައުލް ޔޫހާއަށް ދެންދާންވީ ގޮތް އޮޅުންފިލުވާދިނެވެ. އެވަރުންވެސް ޔޫހާ ސުވާލެއްނުކުރެއެވެ.
ޒައުލް އޭނަގެ ކާރުގައި ޔޫހާގެ ގެއަށް ގެންގޮސްދިނެވެ. ގޭދޮރުމައްޗަށް މަޑުކޮއްލުމަށްފަހު ޔޫހާ ފޭބުމުން ޒައުލްއަށް އޭނައަށް ބަލާލެވުނެވެ. ކާރުން ފޭބިގޮތަށް ޔޫހާ ފަސްއެނބުރުމެއްނެތި ގޭދޮރުން ވަންނަން ހިނގައިގަތެވެ. ޒައުލް ކާރު ދުއްވާލިފަހުން ކާރުގެ އަރިމަތީ ލޯގަނޑުން ޔޫހާ އެދިމާލަށް ބަލަންހުރިތަންފެނުނެވެ. ޒައުލްއަށް ކާރުގެ ބުރެކި ޖެއްސުނެވެ. ޔޫހާ ޒައުލްގެ ކާރު މަޑުކޮއްލުމާއިއެކު އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލައްޕައިފިއެވެ. ހަށިފުރާލީ ނޭވާ އާއިއެކު ޒައުލް ކާރު ދުއްވާލިއެވެ.
* * * * * * * * * * * * * * * * * *
އެނދުގައި އޮތް ޒައުލް ފުއްމައިގެން ތެދުވިއެވެ. ހިޔާލުތަކުގެ ތެރެއިން އޭނަ ހޭލައްވާލިކަހަލައެވެ. ލައިގެން ހުރި ގަމީހުގެ ބާކީ ނުނެއްޓިހުރި ގޮއްތަށް ނައްޓާލަމުން ގަމީސް އެނދުމަށްޗަށް އެއްލާލިއެވެ. އަދި އެބޮޑުކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ކުޑަދޮރުގެ ކައިރީ މަޑުކޮއްލަމުން ދެއަތް ބިއްލޫރިގަނޑުގައި ވިއްދާލިއެވެ. އަދިވެސް ޔޫހާގެވަނީ އެރީތިކަމެވެ. ކުރިއަށްވުރެވެސް އެހަށިގަޑުގެ ބައްޓަންތައް ޗާލުވެފައި ރީތިކަން ޒައުލްއަށް ފާހަގަވިއެވެ.
“ޔޫހާ ކޮންއިރަކުބާ ހޮޓެލް ދާއިރާއަށްވަނީ، އަނެއްކާ އޭނައަށް އަހަރެންގެ ހަގީގަތް އެނގުނީބާ…ކީއްވެބާ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގަ ހުރެފަ ވަކިވީ…އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީތަ…ކޮންކަހަލަ ނުބައިހިޔާލެއް…ނޫން…ޔޫހާ އެހެން ހަދާފާނެތަ، އޭނައާއިއެކު ފެނުނު ސްޓާފަކީ އޭނަގެ ފިރިމީހާ ކަންނޭގެ……ޔޫހާ މީހަކާ އިނދެ ދިރިއުޅުމެއް ފެށީތަ” ޒައުލް މޮޔައެއްހެން އަމިއްލަ ޒަމީރާ ވާހަކަދައްކަމުންދިޔައެވެ. ޔޫހާ ފެނުމުން އޭނައަށް މިހުރިހާ ގޮތްތަކެއްވާންވީ ކީއްވެތޯ ސުވާލުކުރަމުންދިޔައެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.
ރަނގަޅަށް ނިދި ނުލިބުނު ކަމުގައިވިޔަސް ޒައުލްގެ ވަރުބަލިކަން ފިލުވާލަދިނީ އޭނަގެ ހެނދުނު ކޮފީތައްޓެވެ. ދެން އަވަސްވެގަތީ ޔޫހާ އެހޮޓަލުން ރޭގައި ފެންނަން ޖެހުނު ސަބަބެއް ހޯދުމަށެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މާހެނދުނަކާ ޒައުލް އޮފީހުން ފެނުމުން ހުރިހާ ސްޓާފުންނަށް ހައިރާންކަން ލިބިގެންދިޔައެވެ.
“ފައުޒީ ވަރަށް އަވަހަށް އޮފީހަށް…” ފޯނުން ޒައުލްގެ ޖުމްލަ ފުރިހަމަ ނުވަނީސް މިދަނީ ކަމުގައި ފައިޒީ ބުންޏެވެ.
“ޔެސް ސަރ، ކިހިނެތްތޯވީ؟” ފައުޒީ ޒައުލްގެ އޮފީހަށް ދޮރުންވަދެވެންވާއިރަށް އަހާލިއެވެ.
“ރޭގެ ހަފްލާގައި ބައިވެރިވި ހުރިހާ ޖޫނިއަރ ސްޓާފުންގެ ލިސްޓު އަހަރެން ބޭނުން” ޒައުލް އޭނަގެ
ބޮޑުގޮނޑީގައި އިނދެ ބުނެލިއެވެ.
“ކަމެއް ގޯސްވީތޯ…” ފައުޒީ ކަންބޮޑުވިއެވެ. އުމުރުގެ ގޮތުން ޒައުލްއަށްވުރެ ފައުޒީ ދޮށިކަމުގައިވިޔަސް އޮފީހުގައި އުމުރުގެ ތަފާތަކަށް ބެލުމެއްނޯވެއެވެ. އެމީހަކު ކުރާމަސައްކަތުގެ ފެންވަރު ރަނގަޅު ކުރިވަރަކަށް ކުރިއެރުން ދެއެވެ. ފައުޒީ އޭނަގެ ވަޒީފާއަށް ވަރަށް ފަރުވާތެރިވެއެވެ. ކުރިއަށްދާން މަސައްކަތްކުރާ ހީވާގި މުވައްޒަފެކެވެ.
“ކަމެއް ގޯހެއްނުވޭ، ރޭގަ ބޭއްވި މީޓިންގަ އެކަން ބުނީމެންނު، ލިސްޓު އަވަސްކޮއްލަދީ…” ޒައުލް އޭނަ ބޭނުންވިކަންތަކުގެ މުހިއްމުކަން ދެވަނަ ފަހަރަށް ފައުޒީއަށް އަންގާލަދިނެވެ.
އާފާގު ހެނދުނުގެ ނާސްތާ ކުރުމުގެ ކުރިން އޮފީހަށް ދިޔައެވެ. އޭނައަކި އޮފީހުގެ ކަންތައްތައް ގެއާއި ހަމައަށް ގެންނަން ބޭނުންނުވާ މީހެކެވެ. އާފާގު އޭނަގެ އޮފީހުގެ މޭޒުކައިރީ ބޮޑެތި ފައިލްތަކެއް ހުޅުވާލައިގެން އިނދެ އޭނަގެ ލެޕްޓޮޕްގައިވާ ހިސާބުއަކުރުތަކާއި ދިމާވޭތޯ ބަލަމުންދިޔައިރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.
އާފާގަކީވެސް ރާއްޖޭގެ އެކިސަރަހައްދުގައި ވިޔަފާރިކުރާ ކާމިޔާބު ވިޔަފާރިވެރިއެކެވެ. ހޮޓެލް ދާއިރާގައި ނަންމަޝްހޫރު ފަރާތެކެވެ. އެހެންނަމަވެސް ވޭތުވެގެންދިޔަ ތިންއަހަރުން ފެށިގެން އޭނަގެ ވިޔަފާރިއަށްވީ ކިހިނެތްކަމެއްނޭގެއެވެ. މުޅި މީޑިއާގައިވެސް ދެކެވެމުންދިޔައީ އެވާހަކައެވެ. އެއްދުވަހަށްވުރެ އަނެއްދުވަހު ވިޔަފާރި ދަށަށްދާ ވާހަކައެވެ. އެކަމުގެ ސަބަބުން އާފާގުގެ ނަންމަތީގައި ހުރި ފަސްތަރީގެ ތިންހޮޓެލުން އެއްހޮޓެލް އަތުން ދޫކޮއްލަންވެސް ޖެހިއްޖެއެވެ. އޭނަގެ އެންމެ ބޮޑު އުއްމީދަކީ އޭނަގެ ދިރިހުރި ނިޝާންކަމުގައިވާ ލޯބިވާ ފިރިހެންދަރިފުޅު އައްޔަދު އޭނަގެ މަސައްކަތުގައި އެހީތެރިކަމެއްގެ އަތެއް ދިއްކޮއްލާނޭ ދުވަހެކެވެ. ދެން މާގިނަ ދުވަހެއްވެސް ނެތެވެ. އިނގިރޭސި ވިލާތުގަ އާއި އޮސްޓްރޭލިއާގައި ކިޔެވުމުގެ ދުވަސްތައް ހޭދަކުރަމުންދާ އައްޔަދުގެ ކިޔެވުން ނިމުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް އާއިލާ އާއި އޮންނަ ގުޅުން ކުޑަކަމުގައި އާފާގަށް ފާހަގަކުރެވެއެވެ. އޭނަގެ ހުރިހާވެސް ބަޔަކީ ލޯބިވާ އަނބިމީހާ ޒަރާނާ އާއި ދަރިފުޅު އައްޔަދުއެވެ.
“މިއަދު ހާދަ އަވަހަކަށް ގެއަށް ތިއައީ…” ސުފުރާމަތި ތައްޔާރުކުރަމުންދިޔަ ޒަރާނާއަށް އާފާގު ފެނުމާއިއެކު ބުނެލެވުނެވެ.
“މުވައްޒަފުން އޮފީހަށް އައިސް ހަމަޖެހިލީމަ މިއައީ، އަހަރެން މިއައީ ޒަރާ އުފާވާނެކަހަލަ ކަމެއްކޮއްފަ” އާފާގު ކާމޭޒު ކައިރީ ހުރި ގޮނޑިއެއްގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ.
“އާފާގު އަހަރެން ރޮއްވާލީ ކޮންދުވަހަކުތަ…އަބަދުވެސް ތިބަހައްޓަނީ ހިތްހަމަ ޖައްސާދީފައެއްނު” ޒަރާނާ ހިނިތުންވެލިއެވެ.
އަން މިއޮތީ…” އާފާގު ޒަރާނާ އާއި ގާތްވެލަމުން ޖީބުންނެގި ދެޓިކެޓު ދައްކާލިއެވެ.
“އާފާގު، މިހާ ދަތިކޮއްއުޅޭ ދުވަސްކޮޅެއްގަ މިކަހަލަ ކަމެއްކުރީމަ ކިހިނެތްވާނީ” ޒަރާނާ އުފާވިއެއްކަމަކު މާލީހާލަތާއިމެދު ވިސްނާލިއެވެ.
“އަހަރެންގެ ދަރިފުޅުގެ މަންމަ، އެދަރިފުޅު މަތިން ހަނދާންވާވަރުން ފެންކަޅިވެފައި ހުންނަތަން ދެކޭކަށް ބޭނުމެއްނޫން…އަދި އަހަރެން ތިހީކުރާހާ ފަގީރެއްނުވެޔޭ” އަފާގު ހީލަމުން ޒަރާނާގެ ބޮލުގައި ބޮސްދިނެވެ.
“އަވަހަށް އިށީނދޭ ސައިބޯން، މިއަދު މިހިރީ އާފާގުއަށް މީރު ބިސް ފަރާޓާ ހަދާދީފަ” ޒަރާނާ ލޯތްބާއިއެކު ބުނެލިއެވެ.
“ޒަރާގެ އަތުންނަމަ ކާ ކިޔައިފިކޮންމެ އެއްޗެއް މީރުވާނެކަން ޔަގީން” އާފާގު ސަމާސާއެއްކޮއްލިއެވެ.
ސްކޫލް ނިންމާފައި އަފްލީން ގެއަށް އައިއިރު ޔޫހާ ހުރީ ފުޅިތަކަށް ފެންއަޅަންށެވެ. ދޮރުލެއްޕުނު އަޑަށް ޔޫހާ ސިޓިންރޫމާ ދިމާލަށް ނަޒަރެއްހިންގާލިއެވެ. ސީ.އެޗް.އެސް.އީ ޔުނީފޯރމްގައި ހުރި އަފްލީން ފެނުމުން ޔޫހާއަށް ވީގޮތެއް ނޭގުނެވެ. އަތުގައި އޮތް ފަސްލީޓަރުގެ ފެންފުޅިވެއްޓި ޖެހުނީ ފައިތިލަ މަތީގައެވެ. އަފްލީން ފުއްމައިގަތީ ފުޅީގައި ހިފޭތޯއެވެ. އެހެންނަމަވެސް އޭނައަށް އެފުޅި ނެގުނީ ޔޫހާގެ ފައިތިލައިގައި ޖެހި ޓައިލްތަކުގެ މައްޗަށް އެއްބައިފެން އެޅުނުފަހުންނެވެ. އަފްލީން ޔޫހާއަށް ބަލާލިއެވެ. އޭނަ ފަޔަށް ތަދުވިވަރުން އެއްފައިމައްޗަށް ހުރެ ކޮރަމުންދިޔައީ އަނެއްފައިގެ ފައިތިލައިގައި ދެއަތުން ހިފަހައްޓާލައިގެން ހުރެއެވެ.
“ކިހިނެއް ތިހެދީ…ތަދުވެއްޖެދޯ؟” ހަލުވިކަމާއިއެކު ވެއްޓުނު ފެންފުޅި ނަގަމުން އަފްލީން ވާހަކަ ދެއްކިއެވެ.
“ހޫމް….ފައިތިލަ މަތީ ޖެހުނީ…މިއަދު މިއުޅެނީ ބޮލުގަ ރިއްސާތީ، ހިތަށް އަރާ ޑިއުޓީއަށް ނުގޮސް މަޑުކޮއްލަންވީއޭ…” ޔޫހާ އޭރުވެސް އެއްފައިމައްޗަށް ހުރެ ކޮރަމުންދިޔައެވެ.
“ވަރުބަލި ދުވަހަކީތަ؟ މިތާ ގޮނޑީގަ އިށީނދެބަލަ، ފަހުންވެސް ފެންއެޅިދާނެ…ފައިދަމާލަނިކޮށް ރިހުންވެސް ތަންކޮޅެއް ކުޑަވެދާނެކަންނޭގެ، އަހަރެން ޔޫނީފޯމް ބަދަލުކޮއްލައިގެން މިއަންނަނީ” އަފްލީން ޔޫހާގެ ފަޔަށް ބަލާލަމުން ކާމޭޒުކައިރީގައި ހުރި ގޮނޑިއެއް ދުރުކޮއްލީ ޔޫހާ އިށީނުމަށެވެ.
“އަދިވެސް ދެހިޔާލެއްގަ މިހުންނަނީ، ދެން ތިނެއްޖަހާކަށް މާގިނައިރެއްނެތް…ގުޅަންޏާ މިހާރު ގުޅަންވީ…” ޔޫހާ މާޔޫސްކަމާއިއެކު ގޮނޑީގައި އިށިންނަމުން ބުނެލިއެވެ. އޭނަގެ ސިކުނޑި ހާސްކުރުވަމުންދިޔައީ މީގެ ހައަހަރު ކުރީގެ ހިޔާލުތަކަކުންނެވެ. ޒައުލްގެ ހިޔާލުތަކުންނެވެ. ޒައުލްގެ ހަގީގަތް އޮޅުވާލާފައިވާ މިންވަރު ފުރަތަމަ ފަހަރަށް ޔޫހާއަށް ނަގައިގަނެވުނީ ރޭގެ ޕާކްވިއު ހޮޓެލްގައި އޮތް ހަފްލާއިން ޒައުލް ފެނުމުންނެވެ. ޒައުލްގެ ކެހެވެރިކަން އިޙްސާސް ކުރެވުނީވެސް އަދިކިރިޔާއެވެ. އެހެންނަމަވެސް އެހިތުގައި ޒައުލްއަށްޓަކައި އުފެދިފައިވާ ޖަޒުބާތުތަކަށް އެއްވެސް އުނިކަމެއްނައެވެ. ރޭގެ ހަފްލާއިން ގެއަށް އައިސް ޒައުލް އާއިމެދު ވިސްނިވަރަކަށް ހިތާ ސިކުނޑި ދެބަސްވިއެވެ. އެހިނދު އެދެލޯ ކަރުނުންފުރި ބަންޑުން ވިއެވެ. އަބަދުވެސް ހިތްވަރުގަދަ މީހަކަށް ޔޫހާވާން ބޭނުންވެއެވެ. ހެނދުނު ހެނދުނާ ތެދުވެ އަފްލީން އާއި ޝާއިން ދިއުމުގެ ކުރިން ސައިހެދުމަށްޓަކައި އޭނަގެ ދެލޯފޮހެލަންޖެހުނުވެ. އެހެންދުވަސް ދުވަހެކޭ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޔޫހާ މަސައްކަތް ކުރަމުންދިޔައެވެ.
އަފްލީން ޔުނީފޯމް ބަދަލުކޮއްލައިގެން ނުކުތްއިރުވެސް ޔޫހާ ފައިގާ ފިރުމާލަ ފިރުމާލަ އިނެވެ. ކޮންމެވެސް ހިޔާލެއްގެ ތެރެއަށް ގެއްލިފައިވާކަހަލައެވެ.
“ވާހަކައެއް އަހާލަންތަ؟” އަފްލީން ޓައިލްސްތަކުގެ މައްޗަށް އެޅިފައިވާ ފެންތައް ފޮހެމުން އަހާލިއެވެ.
“ބުނެބަލަ…” ޔޫހާ އަފްލީންއަށް ބަލާލަމުން ބުނެލިއެވެ.
“ޔޫހާ ރޭގެ ރަނގަޅަށް ނުނިދަންތަ؟ މޫނުމަތިންވެސް ވަރުބަލިކަން ފެންނަނީ” އަފްލީން އައިސްއަލަމާރިއަށް ފެންފުޅިތައް ލަމުން އަހާލިއެވެ.
“ހޫމް…ވަރަށް ވަރުބަލިވެފަ ހުރީ، އެކަމަކުވެސް ނިދޭގޮތެއް ނުވި….ބައެއްފަހަރު އެހެންވާނެ، ކިތަންމެ ވަރުބަލިވެފަ ހުއްޓަސް ނުނިދިގެން އުޅެންޖެހޭ…” ޔޫހާ ހިނިތުންވެލަމުން އެހެންބުނެލީ އެއީ އެއްވެސް ކަމެއްނޫނޭ ބުނާފަދަ ގޮތަކަށެވެ.
“ޔޫހާ ކަންތައްތަކާ މާފިކުރު ކުރަނީދޯ، ކޮބާތަ ޔާން…އަޑެއްބަޑެއްވެސް ގޭތެރެއިން ނީވެނީ، އަނެއްކާ ނިދާފަދަ” އަފްލީން ކާއެއްޗެހި ތައްޓަކަށް އަޅައިގެން އައިސް ކާމޭޒުކައިރީ އިށީންނަމުން ބުނެލިއެވެ.
“އާން…ކިޔާން ނިދާފަ އޮތީ، އެހެންނޫންނަމަ ގޭތެރެ މިހާ މައިތިރިކޮށެއް ނޯންނާނެއެއްނު، އެކަމަކު ދެން ނަގަންވެސްވީ، އޭރުން ކާއެއްޗެއްދީގެން ސްކޫލަށް ގެންދެވޭނީ” ޔޫހާ އޭނައަށް ލިބިފައިވާ ހާސްކަމާއި ހިތްދަތިކަން ފަރުދާކޮއްލާފައިވަނީ ވަރަށްވެސް ކުޅަދާނަކަމާއިއެކުއެވެ. މީހަކަށް ހީއެއްވެސް ނުކުރެވޭނެހާ މޮޅަށެވެ.
ހަރަކާތްތައް އަވަސްކޮއްލާފައި ކޮޓަރީގެ އެތަން މިތަން ހޯދަމުން ދިޔަ އީލާކް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނައަށް އެހީތެރިވުމަށް ތައްޔާރަށް ގޭގައި ގެންގުޅޭ ކުއްޖާ އެނީ ކޮޓަރީގެ މެދެއްހާ ހިސާބުގައި މަޑުކޮއްލައިގެން ހުއްޓެވެ. އީލާކް އެހާ ހާސްވެގެން އެއުޅެނީ އޭނަގެ ހެނދުން ފަރުމާކުރުމަށް ގެންގުޅޭ ފޮތްނުފެނިގެންނެވެ.
“އީއްކޮގެ ބެޑް ކަވަރ ބަދަލުކުރިއިރުވެސް ކުރަހާފޮތެއް ނެތޭ އެނދުމަތީގަ” އެނީ ހަދާނެގޮތެއްނޭގިފައި ހުރެ ބުނެލިއެވެ.
“އެކަމަކު އަހަރެން މިތާގައޭ ބޭއްވީ، މީހަކު އަތްނުލަންޏާ އޮންނަންވާނެ އެއްނު، ދެންވެސް ތިހެން ނުހުރެ އެފޮތް ފެނޭތޯ ބަލާބަލަ” އީލާކްގެ ހާސްކަން އިތުރުވަމުންދިޔަ ވަރަކަށް ރުޅިވެސް ގަދަވާންފެށިއެވެ. އެވަގުތު ފެންނަންހުރީ އެނީ ކަމުގައިވީތީ ރުޅިގަނޑު އޭނައަށް ބާލަމުންދިޔައެވެ. އެގޮތުގައި އެހެން އުޅޭތާ ގަޑިއެއްހާއިރު ފަހުން އީލާކް ކުރަހަންގެންގުޅޭ ފޮތްފެނުނެވެ. އަލަމާރީގައި އޭނަ އެންމެ ފަހުންދުވަހު ބޭރަށްދާންވެގެން ގެންދިޔަ ދަބަހުގެ ތެެރެއަށް އެފޮތް ލީގޮތަށް އޮތެވެ.
އަތުގައި އޮތް ލިސްޓަށް ޒައުލް ބަލަމުންދިޔައީ ވަރަށްވެސް ފަރުވާތެރިކަމާއިއެކުއެވެ. މުވައްޒަފުންގެ ނަންތައް ހިމެނޭ އެލިސްޓުން އޭނައަށް ޔޫހާގެ ނަން ހޯދުމަށް އުނދަގުލެއްނުވިއެވެ. ޔޫހާގެ ހުރިހާ މަޢުލޫމާތެއް އޭނަވަނީ ހޯދަން ބޭނުންވެފައެވެ. ކީއްވެކަމެއްނޭގެއެވެ. އޭނަގެ ކައިރިން މާފަށް އެދެން ޒައުލް ބޭނުންވަނީބާއެވެ. ބޮޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮއްލަމުން ދަތްދޮޅިއާއި ދިމާލުގައި އަތްވިއްދާލީ ފުންހިޔާލެއްގެ ތެރެއަށް ގެއްލެމުންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް ޒައުލް ފައުޒީއަށް ގުޅިއެވެ.
“ވަދޭ…ވަދޭ…” އަބަދުވެސް ހުޅުވާލެވިފައި ހުންނަ ޒައުލްގެ އޮފީސް ދޮރުން ފައުޒީވަތްތަން ފެނުމުން ޒައުލް ބުނެލިއެވެ.
“މިފަހަރު ފައުޒީ މިގެނައީ މުވަޒައްފުންނާއި ބެހޭގޮތުން ވާހަކައެއް ދައްކާލަންކަމަށް” ފައުޒީ އިށީނުމަށް ކެބިންގެތެރޭ އެއްފަރާތުގައި ހުރި ސޯފާއަށް ޒައުލް އިޝާރާތްކޮއްލަމުން އޭނަ ތެދުވިއެވެ. އަދި ފައުޒީ އާއިއެކު ގޮސް ވަކިންއިން ސޯފާ ގޮނޑީގައި ޒައުލް އިށީނެވެ.
“ކިހިނެއްތޯވީ، މުވައްޒަފުންގެ މައްސަލައެއް ޒައުލްއާއި ހަމައަށް އައީތޯ” ފައުޒީ ސުވާލުންފުރިގެންވި ގޮތަކަށް ބަލާލިއެވެ. މީގެ ކުރިން ޒައުލް މުވައްޒަފުންގެ ކަންތައްތަކާއިމެދު އެއްވެސް ފާޑެއް ކިޔާފައެއްނުވެއެވެ. އަދި މުވައްޒަފުން އެނގި ދަސްކުރުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް އޭނަގެ ނެތެވެ.
“އަހަރުމެންގެ ހޮޓެލްތައް މިދަނީ އިތުރުވަމުން، އެހެންވީމަ ދެވޭ ހިދުމަތްތައްވެސް އެބަޖެހޭ ރަނގަޅުކުރަން، މިކަމުގެ ބޮޑުބައެއް މިކުޅެނީ މުވައްޒަފުން…ރަނގަޅު މުވައްޒަފުން އަހަރުމެން ބޭނުން، ކިޔަވައިގެންތިބި މަސައްކަތަށް ފަރުވާބަހައްޓާ ސްޓާފުންތަކެއް އަހަރެން ބޭނުންވަނީ، ފައުޒީ ކޮއްދޭންވީ ކަމަކީ މަހެއްގެ ތެރޭ ދެސަލާމަށްވުރެ ގިނައިން ބުނެފައިވާ މުވައްޒަފުންނާއި، އާމުކޮށް ޑިއުޓީ ބަދަލުކޮށް އަދި ޑިއުޓީއަށް ހާޟިރުވުމުގައި ފަރުވާކުޑަ މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮއްދޭންވީ، އެލިސްޓު މިއަދު އަހަރެން ބޭނުން…އަދި ބުނަން، އަހަރެން މިވިސްނަނީ އެމުވައްޒަފުން ފައިވް ސްޓަރ ހޮޓެލްތަކުގެ މެދުގައި ރޮޓޭޓްކުރަންކަމަށް، މަސައްކަތަށް ފަރުވާ ބަހައްޓާނަމަ ކޮންމެވެސް އެއްތަނެއްގައި ޕާރމަނަންޓު ކުރާގޮތަކަށް، އެހެންނޫނީ އަހަންނަށް ޖެހޭނީ އެސްޓާފަކު ދޫކޮއްލަން…ލިސްޓު ތައްޔާރު ކުރުމުގެ ކުރިން ސާރކިއުލަރ އެއްނެރޭތި، މިބުނި ހުރިހާ ކަމެއް މުވައްޒަފުންނަށް އެނގެން ޖެހޭނެ…” ޒައުލް ގޮނޑީގައި ހަމަޖެހިލައިގެން އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން އިނދެ ވާހަކަދެއްކިއެވެ.
“އެކަމަކު ކިހާ މުއްދަތެއްގެ ތެރޭގަ ތޯ ބަލަންވީ، މިބުނީ ލިސްޓުތައްޔާރު ކުރަންވީ ކޮންތާރީހަކުން ފެށިގެންތޯއޭ، އަދި ފަރުވާކުޑަކުރާ މުވައްޒަފުން ދާއިމީ ކުރާނީ ކިހާ މުއްދަތެއްގަކަންވެސް އެނގެން އޮންނަންވާނެއެއް ނޫންތޯ” ފައުޒީ ބުނެލިއެވެ.
“ވޭތުވެދިޔަ އަހަރުގެ ޖެނުއަރީއިން ފެށިގެން މިއަހަރުގެ މިހާތަނަށް ރަނގަޅުވާނެ، އަހަރެން ގަސްދެއް ނުކުރަން އެފަދަ މުވައްޒަފުންނަށް ވަކި މުއްދަތެއް ދޭކަށް، މުއްދަތެއް ދީފިނަމަ ފަހަރެއްގަ އެމީހުން އެދުވަސްކޮޅަށް މޯޓިވޭޓް ވެދާނެ، އެހެންނަމަވެސް އަހަރުމެން ބޭނުންވަނީ ސްޓާފުންގެ ކުޑަދުވަސްކޮޅެއްގެ މޯޓިވޭޝަނެއްނޫން…އެެހެންނު…ކީކޭ ފައުޒީ ބުނަނީ، ތީ ހުރިހާ ސްޓާފުންނާއި ހަވާލުވެގެން ހުރި ފަރާތަކީ، އަހަންނަށްވުރެ ބޮޑަށް ސްޓާފުންގެ ކަންތައްތައް ފައުޒީއަށް އެނގޭނެ…” ޒައުލް ފައުޒީއަށް އިޙްތިރާމް ކުރާފަދަ ގޮތަކަށް އަހާލިއެވެ.
“ލައްބަ، ޒައުލްގެ ހިޔާލު ވަރަށް ރަނގަޅު، އެބަ އުޅޭ ވަރަށް ފަރުވާކުޑަ ސްޓާފުންވެސް، ނަސޭހަތްދެވި ރަނގަޅު ނުކުރާ ސްޓާފުން…އެންމެ ބޮޑު މައްސަލައަކީ ގަޑިޖެހުމަށްވުރެ ޑިއުޓީއަށް ނާންނަ މައްސަލަ…ހަތަރެއްޖަހަންވާއިރަށް އަޅުގަނޑު ޒައުލްގެ ޕްރިންޓަރަށް ލިސްޓާއި ސާރކިއުލަރ ފޮނުވާލައްވާނަން އިނގޭތޯ” ފައުޒީ އަށް ޒައުލް ދައްކަން ބޭނުންވި ވާހަކަ ނިމުނީކަމުގައި ހީކުރެވި ކެބިންއިން ނުކުތުމަށް ތެދުވެވުނެވެ.
“އަދި މަޑުކޮއްލަބަލަ…ސާރކިއުލަރ ތައްޔާރުކުރާނީ ހުރިހާ ހޮޓެލްތަކަށް ފޮނުވާގޮތަށް، މިބަދަލު ގެންނަން މިއުޅެނީ ހަމައެކަނި މިހޮޓެލަކަށް ނޫން، އަން…މިލިސްޓުގައި އަހަރެން ފާހަގަކޮއްފައިވާ ބައެއްނަންތައް ހުންނާނެ، އެމުވައްޒަފުންގެ ވަޒީފާ ރެކޯރޑް އަހަރެން ބޭނުން…ލިސްޓުތައްޔާރު ކުރުމުގެ ކުރިން އެންމެ ފުރަތަމަ ސަރކިއުލަރ ނިންމާލާފަ އަހަރެން ސޮއެކުރުމަށް ފޮނުވާލަދީ، އަދި ހުރިހާ ހޮޓެލްތަކަށް ފެކްސްކޮއްލާތި” ޒައުލް ބުނެލިއެވެ.
ސްކޫލްދޮށަށް ކިޔާން ބަލާދިއުމަށް ތައްޔާރުވަމުންދިޔަ ޔޫހާ ކޮޓަރި ދޮރާދިމާލަށް ބަލާލީ މީހަކު ޓަކިޖަހާލަމުން ކޮޓަރި ދޮރުހުޅުވާލީމައެވެ.
“ކިޔާން ބަލާ ދާންތަ ތިއުޅެނީ” ޔޫހާގެ ކޮޓަރި ދޮރުހުޅުވާލައިގެން ދޮރުމަތީހުރި ޝާއިން އަހާލިއެވެ.
“އާން…ގޭގަ ހުރިދުވަހެއްގަ ކިޔާން ބަލާދާންވާނީ އަހަރެންނު” ޔޫހާ ލޯގަނޑުން ޝާއިންއަށް ބަލަންހުރެ ބުނެލިއެވެ. އޭނަގެ ބުޅި އިސްތަށިތައް މައިތިރިކުރުމަށް ބޮލުގައި ކްރީމް ލަމުންދިޔައެވެ.
“އަހަރެން ކިޔާން ގެނެސްދީފާނަން، މިހާރު ފައިކިހިނެތްތައް” ޝާއިން އަހާލި އެއްޗަކުން ޔޫހާއަށް ނަގައިގަނެވުނެވެ.
“އަފޫ ބުނީދޯ…މިހާރު ތަދެއްނުވެޔޭ، އަހަންނަށް ކިޔާން ބަލާދެވޭނެ” ޔޫހާ އެނބުރިލަމުން ޝާއިން އާއި ކުރިމަތިލިއެވެ.
“ޔޫ އަރ ނޮޓް އޯކޭ…ރޭގަ ކިހިނެތްތައްވީ، މިއަދު ޑިއުޓީއަށް ނައީވެސް އެހެންވެދޯ…އަދިވެސް ޔޫހާ އަހަންނަށް ކަންތައްތައް ސިއްރުކުރަންތައް؟” ޝާއިން ހިތްހަމަނުޖެހުމަށްވުރެބޮޑަށްވަނީ ކަންބޮޑުވެފައެވެ.
“ކަމެއްނުވޭ، ޝާއިން ބޭނުމިއްޔާ ކިޔާން ބަލާދިޔަޔަސް އެންމެ ރަނގަޅު، މިހާރު ދިޔައްޔާ ދެންދެވޭނީ…އަންނަންވާއިރަށް އަހަރެން ސައިހަދާފަ ބަހައްޓާނަން” ޔޫހާ މަޢުލޫބަދަލުކުރުމަށް އަވަސްވެގަތެވެ.
“އަދި ދިހަވަރަކަށް މިނެޓުއެބައޮތް، އަދި ދެވޭނެ ސައިކަލުގަ….އެނގޭ މަޢުލޫބަދަލުކޮއްލަނީކަން، މައްސަލައެއްނެތް، އަހަރެން މިސުވާލުކުރާނަން ޖަވާބު ލިބެންދެކަށް…މިވަގުތު މިދަނީ ކިޔާން ބަލާދާންވާއިރަށް އެއްޗެހި ބަދަލުކޮއްލަން” ޝާއިން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހުދު ޔޫހާއަށްވެސް ޝާއިން އެވަރުން ދޫނުކުރާނެކަން އެނގެއެވެ. ޝާއިން ނުކުމެގެންދިޔަ ދޮރާދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ޝާއިންފަދަ މާތް އިންސާނަކު ޔޫހާ ދުނިޔެމަތިންނެއް އަދިއެއް ނުދެކެއެވެ. މާލޭގައި ގެއެއް ހުއްޓެއްކަމަކު އުމުރުން ޅައުމުރުގައި ޝާއިންގެ މައިންބަފައިން މިދުނިޔެއާއި ވަކިވެފައިވަނީ ސުނާމީގައެވެ. އޭރުއްސުރެ އޭނަގެ ހުރި ހަމައެކަނި ކޮއްކޮ އަފްލީންގެ މަސްޢޫލިއްޔަތުގައި ހިފީ ކެރިހުރެއެވެ. އަފްލީންއަށް ކުރިމަތިވެދާނެ ކޮންމެ ހުރައެއް ނެތިކޮއްލުމަށް އޭނަގެ އަތުކުރިވަނީ އޮޅާލެވިފައެވެ. ތިންއަހަރުވަންދެން އެކުގައިއުޅުނު ލޯބިވެރިޔާ ވަކިވެގެންދިޔައީ ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށެވެ. ޖެހުނީ ހަމައެންމެ މައްސަލައެކެވެ. ކިޔުނީ ހަމަ އެންމެ މީހެއްގެނަމެވެ. އެއީ ޔޫހާގެ ނަމަވެ.
ޝާއިންއަށް ޔޫހާ ފެނުނުތާ ތިންއަހަރުވިއެއްކަމަކު އެދެމެދުގައި އެކުވެރިކަން އުފެދުނުތާ އަދި މިވަނީ އެންމެ ދެއަހަރުދުވަހެވެ. ޝާއިންގެ ބައްޕަ ފަރާތު ބޮޑުދައިތައަކީ ޔޫހާގެ ރަށަށް ނިސްބަތްވާ މީހަކަށްވާތީ ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއަކީ އާއިލާ އާއިއެކުގައި ނޫނީ ޝާއިން އާއިއޭނަގެ ރަޙުމަތްތެރިންނާއިއެކު އެރަށަށް ދާދުވަސްކޮޅެކެވެ. އޭނަ ޔޫހާއަށް ރަޙުމަތްތެރިކަމެއްގެ އަތްދިއްކޮއްލީ ދުވަހަކުވެސް އެގުޅުން ކަނޑައިގެން ނުދާނެކަމުގައި ވަޢުދުވަމުންނެވެ. އަދި ރަނގަޅުއެކުވެރިއަކަށް ވުމަށް އަމިއްލަ ނަފްސަށްވެސް ވައުދުވަމުންނެވެ.
ޝާއިން އާއި ނާޒް ރައްޓެހިވެގެން އުޅޭތާ ދެއަހަރުވީއިރު ކައިވެންޏާއި ހަމައަށް އެގުޅުން ގެންދަން ޝާއިންވަނީ ނުހަނު ބޭނުންވެފައެވެ. އެހެންނަމަވެސް ނާޒް ކައިވެންޏަކަށް ތައްޔާރެއްނޫނެވެ. އޭނަގެ ވަޒީފާގެ ގޮތުންވެސް މެއެވެ. އޭނައަކީ ގަތަރު އެއަރލައިންސްގެ ކެބިން ކުރޫއެކެވެ. މިނިވަންކަމާއިއެކު އުދުހޭ ދޫންޏެކެވެ. ޝާއިން އާއި ބައްދަލުވަނީ މަދުފަހަރަކު ކަމުގައިވިޔަސް އެގުޅުން ގިނަދުވަހަށް ދެމިގެންދިޔައީ ޝާއިން ނާޒްދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ޔޫހާ ޝާއިންގެ ގެއަށް ބަދަލުވުމާއިގުޅިގެން ނާޒް ޝައްކުކުރަންފެށީއެވެ. އެގެއަށް އަންނަފަހަރު ތަކުގައިވެސް ޔޫހާ އާއި ދިމާލަށް އެއްޗެއް ނުބުނާ ފަހަރެއް ނުދެއެވެ. މިފަދަ ކަންތައްތައް ހުއްޓުވުމަށް ޝާއިން އެއްޗެއް ބުނެފިނަމަ އެއީ ޝާއިން ނާޒްދެކެ ލޯބި ނުވާކަމުގެ ހެއްކެއްގެ ގޮތުގައި ނާޒް ދައްކަންފެށިއެވެ. އަދި ހަމަޖެހި ނިމެމުން އައިކައިވެނި ކުރާނީވެސް ޔޫހާ އެގެއިން ނެރުނު ދުވަހަކުން ކަމުގައި ބުންޏެވެ. އެގޮތަށް އެކަން ކުރާކަށް ޝާއިން ބޭނުމެއްނުވެއެވެ. އަނެއްކޮޅުން ޔޫހާއަށް ޝާއިންގެ ގާތުގައި އުޅުން ނޫންގޮތެއްނެތެވެ. މާލޭގައި ކުއްޔަށް އުޅޭނެހާ ފެންވަރެއް އޭނަގެ ނެތެވެ. ޝާއިން އާއި ނާޒް އާއި ދެމެދު މިހާރު އެއްވެސް ގުޅުމެއްނެތްކަމުގައި ވިޔަސް އަދިވެސް އެހިތުގައިި ނާޒްއަށްޓަކައި ލޯބިވާކަން ޔޫހާއަށް އެނގެއެވެ. ޔޫހާ އާއި ޝާއިންއަކީ ލޯބީގައި ނާކާމިޔާބުވެފައިވާ ދެމީހުންނެވެ. އެހެންނަމަވެސް އެކަކުއަނެކަކަށް ދެމީހުންގެ ހާލުވެސް އިޙްސާސްކުރެވެއެވެ.
“މަންމީ…” ގޭތެރެއަށްވަތް ކިޔާންގެ އަޑުމުޅި ގޭތެރެ ހޭލައްވާލިކަހަލައެވެ.
“ކޮބާތަ މަންމަ ދަރިފުޅު…” ސައި ތައްޔާރުކުރަން ހުރި ޔޫހާއަށް ކިޔާންގެ އަޑުއިވުމާއިއެކު ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިޓިންރޫމުން ވަދެގެން ދުވެފައި އަންނަ ކިޔާންއަށް އަޑުއިވޭވަރަށެވެ.
“ބަލާ…” ކިޔާން ދުވެފައި އައިސް ޔޫހާގެ ފައިގައި ބައްދާލަމުން އަތުގައި އޮތް އޭފޯ ސައިޒުގެ ގަނޑު ދައްކާލިއެވެ.
“ޝާއިން، އިށީނދޭ ސައިބޯން” ޔޫހާ ޝާއިންއަށް ބަލާލަމުން ބުނެލިއެވެ.
“މިއަދު ކިޔާން ސްކޫލްގަ، މައި ހައުސް ގަ އުޅޭ ހުރިހާ ކުދިން ކުރަހާފައޭ އެދައްކަނީ” ޝާއިން މޭޒުކައިރީ އިށިންނަމުން ބުނެލިއެވެ.
“އެހެންތަ، އަވަހަށް ގެނޭ މަންމަ ބަލާލާނަން…އައްދޭ މީ ހާދަ ކުޑަކުޑަ ހައުސްއެކޭ ދޯ…މީ ކޮންކުދިންނެއްތަ، ހާދަ ބޮޑުބޮޑު ކުއްޖެއް…މީ ޝައިން ބޭބެދޯ” ޔޫހާ ކާމޭޒުކައިރީ ހުރިތަނުން ގޮނޑިއެއްގައި އިށީނދެ ކިޔާން ނަގާ އުނގުގައި ބައިންދާލިއެވެ. އަދި ކިޔާންގެ އަތުގައި އޮތް ގަނޑުގައި ކުރަހާފައިވާ ކުރެހުންތަކަށް ސަމާލުކަން ދިނެވެ.
“ޔެސް، އެއީ ޝައިންބޭބެ، މީ މަންމި، މީ އަފޫ…” ކިޔާން ޔޫހާއަށް ކުރެހުމުގައިވާ އެއްޗެއް ކިޔާދޭން ފެށިއެވެ.
“މަންމި ބުނަމެއްނު އަފޫ ނުކިޔާށޭ، އެއީ ކިޔާންގެ އަފޫދައްތައެއްނު، އަބަދުވެސް ހަނދާންކުރައްޗޭ، އަފޫދައްތަ ކިޔާނީ އެނގޭ…އަވަހަށް ހިނގާ ޔުނީފޯމް ބަދަލުކޮއްލައިގެން ސައިބޯން އަންނަން، އޭރުން މައިލޯތަށިވެސް ހުންނަނީ ހިހޫވެފަ” ޔޫހާ ކިޔާން އޭނަގެ އުނގުން ބޭލުވިއެވެ.
“އަވަހަށް އަންނައްޗޭ، އެހެންނޫނީ ޝައިންބޭބެ މައިލޯތަށި ބޯލާނަން” ޝާއިން ސަމާސާކޮއްލިއެވެ. އެއާއިއެކު ކިޔާން ޔޫހާގެ ކުރިއަށް ދުއްވައިގަތީ އަވަހަށް ކޮޓަރިއަށްވަދެ ޔުނީފޯމް ބަދަލުކުރުމަށެވެ. ޝާއިން ޔޫހާ އެނބުރި އަންނަންވާއިރަށް ކިޔާންގެ ކުރެހުން އައިސްއަލަމާރި ދޮރުފަތުގައި ހުރި ދަގައްފާނުގެ އެހީގައި ހަރުކޮއްލިއެވެ. ކުޑަކުޑަ ކިޔާންގެ ހަރަކާތްތަކުންވެސް ޝާއިންގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ބައެއްފަހަރު ޔޫހާ އާއި ކިޔާންއަކީވެސް އަފްލީން ފަދައިން އޭނަގެ އާއިލާކަމުގައި ހީކުރެވެއެވެ.
“އެނގޭތަ، މިއަދު އޮފީހަށް ބޮޑު ސާރކިއުލަރ އެއް އަތުވެއްޖެއެއްނު…” ޝާއިން ޔޫހާ އައިސް ކާމޭޒުކައިރީ އިށީނުމުން ބުންޏެވެ.
“ކީކޭތަ އޮތީ؟ މުސާރަ ބޮޑުކުރަނީތަ…ހެ ހެ ހެ” ޔޫހާ ސަމާސާ ރާގަކަށް ބުނެލިއެވެ. އޭނަ ކިޔާންއަށް ސައިދޭން މަސައްކަތްކުރިއެވެ. އަދި ޝާއިން އޮފީހަށް ލިބުނު ސާރކިއުލަރގައި އޮތް އެއްޗެއް ޔޫހާއަށް ކިޔާދެމުންދިޔައެވެ.
“އަހަރެންގެ ދެއަތްވެސް ބަންދުވާން ކަންނޭގެ މިއުޅެނީ…ކުރީގަހެން އެހާ ފަސޭހައިން ޔޫހާއަށް ދޫދޭކަށް ދެންނުކުރޭނެ…މިމަހު އިތުރު ސަލާމެއް ނުބުނެވޭތޯ ބަލައްޗޭ…އަހަރެން ބޭނުމެއްނޫން ޔޫހާ އެހެން ހޮޓެލްއަކަށް ދާކަށް، މާދަން ލިސްޓުތައް ފޮނުވަންޖެހޭ، އަދި ކޮންމެވެސް މުވައްޒަފުންތަކެއްގެ ލިސްޓުގައި ޔޫހާގެ ނަންވެސް އޮތް، އަހަރުމެންގެ ހޮޓަލުގެ ސްޓާފަކަށް ޔޫހާއެކަނި އެލިސްޓުގައި އިނީ، ޔޫހާގެ ވަޒީފާ ރެކޯރޑްސް ފޮނުވަން ބުނެފައޮތީ…” ޝާއިން ޔޫހާއަށް ބަލަންއިނދެ ވާހަކަދެއްކިއެވެ.
“އެހެންތަ؟” ޔޫހާ ފުންވިސްނުމަކަށް ދިއުމަށް ޝާއިންގެ ވާހަކަތައް މަޖުބޫރުކުރުވިއެވެ. ދުވަހަކުވެސް ޒައުލް ފެނިދާނެކަމަކަށް ޔޫހާ ހިއެއްނުކުރެއެވެ. ނަމަވެސް ޕާކްވިއު ހޮޓަލުގެތެރެއިން ފެނުނު ޒުވާނާއަށް ލިބިފައިވަނީ ޒައުލްގެ ސޫރަކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ޔޫހާގެ ޒައުލް އަކީ އެހާބޮޑު މުއްސަންޖެއްނޫނެވެ. ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ޔޫހާގެ ދިރިއުޅުން އެފުށްމިފުށަށްޖެހިގެން ދިޔައީ ޒައުލްގެ ސަބަބުންނެވެ. މިއަދު އޭނަ އެއުޅެނީ ޔޫހާ ވަޒީފާއިން ވަކިކުރަންބާއޭ ޔޫހާގެ ހިތަށްއެރިއެވެ. އެހެންވެއްޖެނަމަ އޭނައަށް އާމްދަނީއެއްލިބެން އޮތް މަގު ބަންދުވީއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ހުއްޓުމަކަށް އައީއެވެ. ޒައުލް އެހެން ހަދާފާނެބާއެވެ. އޭނަ ޔޫހާ ނިކަމެތިކޮއްލަން ބޭނުންވަނީބާއެވެ. ޔޫހާގެ ނިތްކުރިން ސިކުނޑީގެ އުދާސްކަން ބޭރުވާންފެށިއެވެ. ކުދި ފެންތިކިތަކެއްހެން ނިތްކުރިމަތި ވިދަންފެށިއެވެ.
“އޭ…ހާސްނުވެބަލަ، ތިހީކުރީ އޮފީހުން ކަނޑާލާން އުޅެނީއޭތަ…ނުވާނެ އެކަމެއް، އަހަރެން މިހިރީނު” ޝާއިން ފުއްޓެއްކެއް ޖަހާލަމުން ޔޫހާގެ ސަމާލުކަން ހޯދާލިއެވެ.
“ރަނގަޅު ދޯ ޑިޒައިންތައް، އަހަރެން ސިންގަޕޫރުގައި ހުރިއިރު އެތަނުން ވަރަށް ސަޅި ފެބްރިކް ޕެޓަރންތަކެއް ދެކުނިން، މިހެނދުމާ ވަރަށް ގުޅޭނެ، އިޓްސް މައި ބިގަސްޓް ޑްރީމް މިކަލެކްޝަން ފަބްލިކަށް ނެރުން” އީލާކް އޭނަގެ ރަޙުމަތްތެރިންނާއިއެކު މެރީ ބްރައުންގައި ތިބެ އޭނަގެ ޑިޒައިންތައް ދައްކަމުންދިޔައެވެ.
“މަވެސް ޑިޒައިންތައް ހުންނާނެ ތައްޔާރުކޮއްފަ” ނަހުލާ ބުނެލިއެވެ.
“ކިޔަވަން އުޅުންއިރު މިރޯޒް ހީވީ ދެންމެ ދެންމެ ޝޯއެއް ބާއްވަން އުޅުނުހެން، އެކަމަކު މިހާރު އަޅާވެސް ނުލާ…ކިހިނެއްތަވީ އިންޓަރެސްޓް ގެއްލުނީ…” އީލާކް ކައިރީގައި އިން ރޮޒޭންއަށް ބުނެލިއެވެ.
“ނޭގެ ދެންހަމަ ފޫހިވީ، އީކް….ޔޫގެ ޑިޒައިންތައް ހަމަ އެއްވަނަ އިނގޭ، ހަމަގައިމުވެސް ތިތަނުން އަހަރެން ލާންބޭނުންވާ ކިތަންމެ ހެދުމެއްގެ ޑިޒައިން އެބަހުރި…” ރޮޒޭން ބުނެލިއެވެ.
“ސީރިއަސްކޮއްތަ؟” އީލާކް އުފާވެފައި އަހާލެވުނެވެ.
“ހޫމް، ސީރިއަސްކޮށް” ރޮޒޭން އީލާކްގެ ކުރެހުންތައް ބަލަމުން ބުނެލިއެވެ.
“އެހެންވީރު އީކްގެ ހެދުންތައް ލައިގެން ރަންވޭގައި ހިނގާނެ މޮޑެލްއެއްވެސް ލިބުނީތާ” އަގައިން ނުބުނެ ރޮޒޭން އާއިއެކު އީލާކްގެ ކުރެހުންތައްބަލަމުންދިޔަ ޝުދުފާބުނެލިއެވެ.
“އޯ.އެމް.ޖީ…ޝުދޫ، ޔޫ އަރ ދި ބެސްޓް، ވަރަށް ރަނގަޅު ހިޔާލެއްތީ…” އީލާކް ހޭންފެށިއެވެ.
“ނޯ، ނޯ، ނޯ…ނޯވޭ، އަހަރެން އިސްތިހާރު ބޯޑަކަށްވާކަށް ބޭނުމެއްނޫން” ރޮޒޭން ޝުދުފާގެ އަތުގައި ޖަހާލިއެވެ. އެކުވެރިންގެ ފަރާތުން ލިބުނު އެދެވޭ ތަރުހީބުގެ ސަބަބުން އިތުރުހިތްވަރެއް އީލާކްއަށް ލިބިގެންދިޔައެވެ.
“ނަހޫގެ ޑިޒައިންތައް ދައްކާލަން ކޮންދުވަހަކުންތަ ގެނެސްދޭނީ” ޝުދުފާ ނަހުލާއަށް ބަލާލަމުން ބުނެލިއެވެ. އެހެންނަމަވެސް ނައުލާގެ ޖަވާބަކަށްވީ މީގެ ކުރިންވެސް ބުނަމުންއައި ޖުމްލައެވެ. “ފަހުންނެވެ.” މިއީ އަބަދުވެސް ނަހުލާ ބުނާގޮތެވެ. ބައެއްފަހަރު އޭނަ އީލާކްމެންނަށް އިތުބާރު ނުކުރަނިއްޏޭވެސް ހީވެއެވެ. ނޫނީ އެހެންމީހުންނަށް ކަންތައްތައް ހިއްސާކުރުމުގައި ފަސްޖެހޭ އަންހެން ކުއްޖަކީ ކަންނޭގެއެވެ.
އީލާކް އޭނަގެ މާމަ ލާއިގާގެ ހުއްދައާއިއެކު އޭނަގެ މަސައްކަތް ރަނގަޅު ދުވަހަކުފަށަން ހަމަޖައްސާފައިވާ ވާހަކަވެސް އިއުލާންކުރިއެވެ. އަދި އޭނަގެ ދޮންބެ ޒައުލްވަނީ އޭނަގެ ޝޯތަށް ސްޕޮންސަރ ކޮއްދޭނަންކަމުގައިވެސް ބުނެފައެވެ. ފައިސާގެ ބަޖެޓެއްވެސް ކަނޑައެޅިފައިވާ ވާހަކަވެސް ބުންޏެވެ. އީލާކްއަކީ ކަންތައްތައް ފޮރުވައިގެން ހުންނަން އާދެވެފައިވާ އަންހެން ކުއްޖެއް ނޫނެވެ. ގިނަފަހަރަށް ހިތަށްއަރާއިރު ދުލުންވެސް އޮންނާނީ ބޭރުވެފައެވެ. އޭނަގެ އެކުވެރިންގެ އެހީއަށް އީލާކް އެދުނެވެ. އެމީހުންތިބީ ވެވެންއޮތް އެހީއެއްވެއްޖެޔާ ކޮއްދޭގޮތަކަށެވެ.
ރޭގަނޑުގެ ނިދިން މަހުރޫމްވެފައި ޔޫހާ އޮތެވެ. އޭނައަށް ޒައުލްނޫން މީހެއްގެ މަތިން ހަނދާނެއް ނުކުރެވެއެވެ. ރިޕީޓަށް ލެވިފައިވާ ޓޭޕެއްހެން ލޯކުރިމަތީ ޒައުލް ހުރިގޮތް ފެންނަމުން ދާކަހަލައެވެ. ކަންފަތަށް އެގޮވާލި ގޮވާލުން އަޑިއިވޭކަހަލައެވެ. އެއާއިއެކު ހިތަށް ލިބެމުންދިޔަ ވޭން އެދެލޯ ރޮއްވާލިއެވެ. ކައިރީގައި އޮތް ބާލީހުގެ ތެރޭ މޫނުފޮރުވާލަމުން ބާރަށް ބައްދާލިއެވެ. ހަނދާނަށް ގެންނަން ބޭނުންނުވާ އެތަށް އެތަށް ހިޔާލުތަކެއް އެސިކުނޑި އާކޮއްދެމުންދިޔައެވެ. ހީވާކަހަލައެވެ. އެސިކުނޑި ބޭނުންވަނީ ޔޫހާ ރޮއްވާލާ ހިތުގައިޖެއްސަންކަންނޭގެއެވެ. ހިތަކީ ކިހާ ބަލިކަށިއެއްޗެއްކަން އަންގާދޭން ބޭނުންވަނީ ކަންނޭގެއެވެ. ޒައުލް އާއި ޔޫހާ ގުޅިފައިވަނީ ވަރަށްވެސް ބޮޑަށެވެ. އެގުޅުން ޔޫހާ އަމިއްލައަށްވެސް ކަނޑާނުލެވޭނެއެވެ. ހިތްވަރުގަދަ ޔޫހާ މިވަގުތުހީވަނީ ވެއްޓިތެޅިފައިވާ ބިއްލޫރީގެ ބުއްދެއްހެންނެވެ. ގިސްލުމާއިއެކު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދެއެވެ. އޭނަގެ ހިތާމައަށް ނިމުމެއްނެތެވެ. ޒައުލް އާއި އެއްވެސް ޝަކުވާއެއް ނުކުރިކަމުގައިވިޔަސް އަމިއްލަ ހިތާ ނަފްސާ ޝަކުވާ ނުކުރާ އެންމެ ރެއެއްވެސް ނުދެއެވެ. ޔޫހާގެ ކުށަކީ ކޮބާކަން އަދިވެސް ނޭގެއެވެ. ލޯބިނުވާކަން އެނގެންވީ ދެމެދުގައި ނުފިލާވަރުގެ ލައްގަނޑެއް ޖެހުނީމަހެއްޔެވެ. ބަގީޗާގައި ފަރިވެފޮޅެލާފައި އިނީ އެމާބޭނުންވެގެން ބިނދެލާނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް އެމާ ބިނދެލައިގެން ދިޔައީ އެމަލުގެ ރީތިކަމުންނެވެ. އެހެންއެއްވެސް ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ. އެކަން އިޙްސާސްވާ ކޮންމެވަގުތަކު ޔޫހާގެ ހިތް ސިކުންތުކޮޅަކަށްވިޔަސް ހުއްޓޭހެން ހީވެއެވެ. ތަގްދީރުގައި ލިޔެވިފައިވަނީ މިގޮތަށްހެއްޔެވެ. ލޯބީގެ ކަރުނައިގައި ފޮނިކަމެއްނުވެ ފެނަށްވެ ނިމުންހެއްޔެވެ.
އެއްފަރާތަށް އޮވެއޮވެ ވަރުބަލިވެގެން ޒައުލް އަނެއްފަރާތަށް އެނބުރިލިއެވެ. އެއްގޮތަކަށްވެސް ނިދޭގޮތެއްނުވެއެވެ. ސިކުނޑީގެ ހައިޖާނު އޭނަ ނިދިޔަދޭކަށް ބޭނުމެއްނުވެއެވެ.
ދިރިއުޅުމަކީ ރިމޯޓެއްނަމަ ކިހާ ރަނގަޅު ހެއްޔެވެ. އޭރުން ރިވައިންޑު ބަޓަން އާއި ޕޯސް ބަޓަން ގެ އިތުރުން ފާސްޓުފޯވަރޑް ބަޓަންއެއްވެސް އިންނާނެ ވިއްޔާއެވެ. ޒައުލްވެސް ބޭނުންވަނީ އެފަދަ ރިމޯޓެކެވެ. ނޫނީ ކޮމްޕިއުޓާރ ސިސްޓަމްތަކުގައި ގޮތަށް ޝިފްޓު ޑިލީޓުވާނެފަދަ ނިޒާމެކެވެ. އޭނަގެ ދިރިއުޅުމުގައި މިހާތަނަށް އައިއިރު ފޮހެލަން ބޭނުންވި ހަނދާންތަކެއްވެއެވެ. ބޭނުންނުވިޔަސް ސިކުނޑީގައި އެހަނދާންތައް ދައުރުވަމުންދިޔައެވެ. ޒައުލް އެނދުން ތެދުވެ މޫނުގައި އަތްހާކާލަމުން ފުންނޭވާއެއް ލިއެވެ. އަދި ފާހާނާ އާއި ދިމާލަށް ހިނގައިގަތީ ގަޑިއަކީ ދަންވަރުގެ ގަޑިއަށްވިއެއްކަމަކު، ފެންވަރާލުމުން ސިކުނޑިއަށް ހަމަޖެހުމެއްލިބި ހަށިގަނޑަށް އަރާމުލިއްބައިދީ ނިދިދާނެކަމުގައި ހީކޮށެވެ.
ހެދުނު ހެދުނާ ޒައުލް އޮފީހަށް ދިއުމަށް ނުކުންނަން އުޅެނިކޮށް މާމަ ލާއިގާ ގޮވާލެއްވިއެވެ. އަދި ކުރިއާއި ހިލާފަށް މިހާރަކަށް އައިސް ޒައުލް މާއަވަހަށް އޮފީހަށް ދަނީ އޮފީހުގައި މުހިއްމު ކަމެއް އޮވެގެންތޯ ސުވާލުކުރެއްވިއެވެ.
“މާމާ، ބައްޕަ ފަދަ ހީވާގި މީހަކަށްވެގެންނޫނީ ކިހިނެއް ބައްޕަގެ މިއޮއްބޮޑު ކޮމްޕެނީގެ ކަންތައްތައް ބެލެއްހެއްޓޭނީ…އަނެއްކޮޅުން އަޅުގަނޑަށް މިކަން ހަވާލުކުރެއްވީ އަޅުގަނޑަށް ވާނެކަން އެނގޭތީވެ، ވީއިރު ފަރުވާވެސް ބަހައްޓައިގެން ޒިންމާދާރު މީހަކަށްވާންވާނެއެއްނު….” ޖަމާލް ކާރުނެރެންދެން ސިޓިންރޫމު ދޮރުމަތީ މަޑުކޮއްލައިގެން ހުރި ޒައުލް ބުނެލިއެވެ.
“އެކަން އެނގެޔޭ މާމައަށް، ދަރިފުޅުގެ ބައްޕަފަދަ މީހަކަށް ވާންކަން ތިމަސައްކަތްކުރަނީ، އެކަމަކުވެސް ބުނަންތަ، މާމަ އެހާ ހިތްހަމަޖެހޭކަމެއްނޫން ދުވާލުދާ ހަތަރުދަމު ވިޔަފާރީގެ ތެރޭގައި އުޅުން، އަމިއްލަ ދިރިއުޅުމަކާއި ދޭތެރޭވެސް ވިސްނަންވާނެއެއްނު….ދަރިފުޅު ކުރީގަ އަބަދުހެން އުޅެނީ ރަޙުމަތްތެރިންނާއިއެކު….މިހާރު އީލާކް އެއުޅެނީ ދަރިފުޅު އުޅޭގޮތަށް، އަބަދުވެސް ކޮންމެވެސް ރަޙުމަތްތެރިންތަކަކާއިއެކު…މިހާރު ތިއުޅެނީ މާއެކަހެރިކޮށް….” ލާއިގާގެ ވާހަކަ މެދުކަނޑާލީ ބޭރުގޭޓުން ޖަމާލްވަދެގެން އަންނަތަން ފެނުމުންނެވެ.
“މާމާ، އަޅުގަނޑާއިމެދު ކަންބޮޑުވެ ނުލައްވަބަލަ، މިހެން އުޅޭއިރު ހުސްވަގުތުވެސް ހޯދާނަމޭ…ކުރިން އުޅުނުހެނެއް މިހާރު ބޭރުގައެއްނޫޅެވޭނެއެއްނު، ގިނަބަޔަކު މިހާރު އަޅުގަނޑު ދަންނާނެ…ދެންދަނީ މާމާ، ލަވް ޔޫ…” ޒައުލް ލާއިގާގެ އަތްތިލާގައި ބޮސްދެމުންބުނެލިއެވެ. އޭނައަށް ލާއިގާ ދައްކަމުންދިޔަ ވާހަކައެއް ވިސްނެއެވެ. އޭނަގެ އެކަހެރި ދިރިއުޅުމަކީ އޭނަ އަމިއްލައަށް އިޙްތިޔާރު ކުރި ދިރިއުޅުމެކެވެ. އެކުވެރި ރަޙުމަތްތެރިންނަށް އޭނަގެ ހަޔާތުން ޖާގައެއްދޭން މިހާރު ބޭނުންނުވަނީއެވެ.
“ކުޑަ ސާހިބް…” ޖަމާލް ލާއިގާގެ ކުރިމަތީ އިޙްތިރާމާއިއެކު ޒައުލްއަށް މުޚާތަބުކުރިއެވެ. އަދި ޒައުލް ހިނގައިގަންނަންދެން ޖަމާލް މަޑުކޮއްލައިގެން ހުއްޓެވެ.
ކުރިންދުވަހެކޭވެސް އެއްގޮތަށް ޒައުލްއަށް އޮފީހަށް ވަދެވުމާއިއެކު އެންމެ ފުރަތަމަ ބޭނުންވީ ފައުޒީ އޭނަގެ ކެބިންއަށް ހާޒިރު ކުރުމަށެވެ. ފައުޒީ ފައިލް ބޮނޑިއަކާއި ކަރުދާސްތަކެއް ހިފައިގެން އައިސް ޒައުލްގެ އޮފީހަށްވަނެވެ.
“އެމޭޒުގަ ބަހައްޓާ…މީ ހުރިހާ ޑޮކިއުމެންޓެއްތަ؟” ޒައުލް ގޮނޑިން ތެދުވަމުން ސޯފާގޮނޑިތަކުގެ މެދުގައި ހުރި ތިރިބިއްލޫރި ދިގުމޭޒު ދައްކާލިއެވެ.
“ލައްބަ…އިތުރު ކަމަކަށް ބޭނުންވެލައްވާތޯ” ފައުޒީ ފައިލްތައް ބަހައްޓާލާފައި ޒައުލް އާއި ދިމާލަށް އެނބުރިލަމުން އަހާލިއެވެ.
“ނޫން، މިވަގުތަށް އެންމެރަނގަޅު، އިތުރުކަމެއް ބޭނުންވެއްޖެނަމަ ގުޅާލާނަން” ފައުޒީއަށް މިހެން ބުނެލަމުން ޒައުލް ސޯފާގައި އިށީނެވެ.
ޒައުލް އޭނަގެ ކުރިމަތީ ފެންނަންހުރި ފައިލްތަކުގެ ތަރުތީބުގެއްލުވާލީ އަވަސްއަރުވާލާފައެވެ. ހުރިހާ ފައިލްތަކުގެ ތެރެއިންވެސް އޭނައަށް މުހިއްމީ ހަމައެންމެ ފައިލެކެވެ. ދެންހުރި ފައިލްތަކަކީ ބޭނުންވި މަގުޞަދު ފުރިހަމަ ކުރުމަށްޓަކައި ދެއްކި ބަހަނާއެއްކަމުގައި ނޫނީނުވެއެވެ. އެހެނީ ޒައުލްގެ ބޭނުމަކީ ކޮބާކަން އަދި އެސިކުނޑީގައި ރާވާފައިވާ ރޭވުމަކީ ކޮބާކަން އިތުރުމީހަކަށް ޝައްކެއްވެސް ވާކަށް އޭނަ ނޭދޭތީއެވެ. އަމިއްލަ ކަންތައްތަކަށް އެހެންމީހެއްގެ ކުޑަވިޔަސް ސަމާލުކަމެއް ލިބޭކަށް އޭނަ ބޭނުމެއްނުވެއެވެ.
“ދެމަސްވަނީ…” ޒައުލްއަށް ބުނެލެވުނެވެ. އޭނަ ބަލަންއިނީ ޔޫހާގެ ވަޒީފާގެ ރިކޯރޑްސް ހިމެނޭ ފައިލްއެވެ. ޒައުލްގެ ބައްޕަ އުފެއްދި އަދި މިހާރު އޭނަ ހަވާލުވެ ކުރިއަށްގެންދާ ކޮމްޕެނީގެ މުވައްޒަފެއްގެ ގޮތުގައި ޔޫހާ އުޅޭތާ މިހާރު ކިހާ ދުވަހެއްވެއްޖެތޯ ބަލަން ޒައުލް ބޭނުންވީއެވެ. ޔޫހާގެ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރާއި އިތުރު މަޢުލޫމާތުތައްވެސް އެފައިލްގެ ތެރެއިން ޒައުލްއަށް ފެނުނެވެ. އަދި ފޮޓޯ ޖަހާގޮތަށް އިން ފޯމެއްގައި ހިއްޕާފައިވާ ޔޫހާގެ ޕާސްޕޯޓު ސައިޒުގެ ފޮޓައަށް ޒައުލް ބަލަހައްޓައިގެން ގެއްލިފައިއިނެވެ.
“ކޮން ހިޔާލެއްގަ؟” މާޔާ ޔޫހާގެ ކަންފަތްކައިރީ ސިއްރެއް ބުނާހެން އަހާލިއެވެ.
“އަހަންނަށް ޓްރާންސްފަރ ސިލިފް ލިބިއްޖެ…އަންނަ ހަފްތާގަ ނުކުންނަން ޖެހެނީ…” ޔޫހާގެ އަޑުގައިވަނީ އާދަޔާހިލާފު މަޑުމައިތިރިކަމެކެވެ.
“ޕްރޮމޯޝަނެއްތަ އެއީ…ނޫނީ ޑީމޯޓްވަނީތަ؟ މަވެސް ދެކުނިން އެސަރކިއުލާރ، އެކަމަކު ޔޫހާއަކީ އަހަރުމެންގެ ތެރޭ ހުރި އެންމެ ބަރާބަރު ސްޓާފް، ދެންކީއްވެބާ ބަދަލު ކުރަން އެއުޅެނީ…” މާޔާއަށްވެސް ލިބުނީ ހައިރާންކަމެކެވެ.
“އޭ ހަމައަސްލުވެސްތަ؟ އަނެއްކާ އަހަރުމެން ހާސްވަނީ ކިހާވަރަކަށްތޯ ބަލަންހެދި ދޮގެއްތަ ތީ؟” ކޮމްޕިއުޓަރުން މަސައްކަތެއް ކުރަމުންދިޔަ ރިޔާޝާގެ ސަމާލުކަން ޔޫހާ އާއި މާޔާ ދައްކަމުންދިޔަ ވާހަކަ ހޯދުމުން އަހާލެވުނެވެ.
“އަހަރެން ދޮގު ހަދަންވީ ކީއްކުރަން، މީހަމަ ތެދެއް، ހެނދުނު ދިހެއްޖަހާކަން ހާއިރު ހާރިޝް އަހަރެން އެޗް.އާރް އޮފީހަށް ފޮނުވާލިއެއްނު، އެއީ މިސިލިޕް ހަވާލު ކުރަންށޭ، ބަލާބަލަ…” ޔޫހާ އޭނަގެ އަތްދަބަހުގެ ތެރެއަށް ކޮއްޕާލި ހިމަދިގު ސިޓީއުރަ ނަގާ މާޔާ އާއި ރިޔާޝާ އާއި ދެމީހުނަށް ދިއްކޮއްލިއެވެ. އެތަނުން މާޔާ އަވަސްއަވަހަށް ސިޓީ އުރާގައި ހިފިއެވެ.
“ކޮން ހޮޓަލަކަށް ބަދަލުކުރީ” މާޔާ ކަނޑާފައިވާ ސިޓީ އުރައިގެ ތެރޭގައިވާ ކަރުދާސް ނަގަމުން އަހާލިއެވެ. އޭނަ އެގަނޑުގައިވާ އެއްޗެއް ކިޔާލުމުގެ ކުރިން އޭގައިވި މަޢުލޫމާތެއް އެނގެން ބޭނުންވިފަދަ ގޮތަކަށެވެ.
“ޕާކްވިއުއަށް…” ޔޫހާ މަޑުމަޑުން ބުނެލިއެވެ.
“އޯ.މައި.ގޯޑް…ގަބޫލެއްނުކުރެވުނު މީގަމިވާ އެއްޗެއް…އަޅެ ރިޔާ، އަހަރެންގެ ގައިގަ ވިކައިގަނެބަލަ” މާޔާއަށް ޔޫހާ ބުނި އެއްޗަކާއި ގަނޑުގައި ލިޔެފައިވި އެއްޗެއް ފެނުމުން ބުނެލެވުނެވެ.
“އައުޗް…ތަދުވެއްޖެ” ކައިރީގައި އިން ރިޔާޝާ އަތުގައި ވިކާލުމުން މާޔާ ބުނެލިއެވެ.
“މީ ހަގީގަތެކޭ…ޕާކްވިއުއަށްވެއްޖެޔާ އެއީ ޕްރޮމޯޝަނެއްކަން ޔަގީން، މަވެސް ވަރަށް ދާހިތްވޭ އެހޮޓެލްއަށް، ޔޫހާ ވަރަށް ނަސީބުގަދަ، މިތަނަށް ވަންތާ ގިނަދުވަހެއް ނުވަނިސް ބޮޑު ހޮޓަލަކަށް ދިއުމުގެ ފުރުޞަތު ތިލިބުނީ، ބޮޑު ޕްރޮމޯޝަނެއް ތިލިބުނީ، އެނގޭތަ، ހުރިހާ ކަމެއް އޮންނަތަނަކީ ތީ…ޕާކްވިއުއަކީ މިކޮމްޕެނީގެ ގަނޑުވަރުކޮޅެއް، ހާއްޞަ ބޭބޭފުޅުން ނޫނީ އެތަނަކަށް ނުދާނެ…ހުސްވެސް މުއްސަނދިން…އަތުގަ ފައިސާ ހުސްނުވާނެ އެމީހުންގެ…” މިހެންބުނަމުންދިޔައިރު ރިޔާޝާ ކުޑަހިނދުކޮޅަކަށްނަމަވެސް އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އަމިއްލަ ހިޔާލުތަކެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ. ތުންފަތަށް ހުވަފެނީ ހިނިތުންވުމެއްވެރިކުރުވައިގެންނެވެ.
“ޔޫހާ ހަމަ ނަސީބު ގަދައީ” މާޔާއަށްވެސް ބުނެލެވުނެވެ. އަދި ހޫނު މަރުޙަބާވެސް ކިޔެވެ.
“އަހަރެން އެހާ އުފަލެއްނުވޭ، މި ޕްރޮމޯޝަން ބޭނުމެއްވެސް ނޫން” ޔޫހާ އިސްޖަހާލައިގެން މާޔާ ދިއްކޮއްލި ގަނޑު އެލާފައިއޮތް ސިޓީއުރައިގެ ތެރެއަށް ލަމުން ބުނެލިއެވެ. އޭނަ ބުނި ބަހުގެ ތެދުކަން އެވަގުތު އޭނައާއިއެކު އެތަނުގައި ތިބި ދެއަކުވެރިނަންވެސް ފާޅުވެގެންދިޔައެވެ. އެމޫނު މަތިން ފާޅުވަނީ މަޑުމޮޅިކަމާއި ފޫހިކަމެވެ.
“ކިހާ ރަނގަޅު ފުރުޞަތެއްމީ، މުސާރަވެސް ބޮޑުވާނެ، ކުރިއަށްދާން ގިނަ ފުރުޞަތުތައްވެސް ލިބޭވާހަކަ އަޑުއެހިން، މީ ދޫކޮއްލާވަރުގެ ފުރުޞަތެއްނޫން، ޔޫހާ ކީއްވެ މިކަމާ އުފާނުވަނީ” ރިޔާޝާ ސުވާލު ކުރިއެވެ.
“އަހަރެން މާ ހިތްހަމަޖެހޭ މިހޮޓެލްގެ މިރިސެޕްޝަން ކައިރީ އިންނަން، މިހާރު ލިބޭ އެތިކޮޅުންވެސް އަހަންނަށް ދެކޮޅުޖެހޭ، އެވަރުން ފުދޭ…އެހެންނޫނަސް އަހަރެން އެހާ ކޮމްޕޯޓަބަލްއެއް ނުވާނެ އެފަދަ މާޙައުލެއްގަ އުޅޭކަށް” ޔޫހާ ބުނެލިއެވެ. ރިޔާޝާގެ ސުވާލުގެ ޖަވާބު ހިތުގައިވިއެވެ. އެހެންނަމަވެސް ދުލާހަމައަކަށް ނައެވެ. މާއެދެވޭ އުޒުރުތަކެއްނޫނަސް ކޮންމެވެސް އެއްޗެއް ބުނަންޖެހުނީ އިތުރު ސުވާލުތަކެއް ރައްދުވިޔަ ނުދިނުމަށެވެ.
“ދުވަސްކޮޅަކުން ޕާކްވިއުގެ މާޙައުލަށް ހޭނިދާނެ، ވަޒީފާގެ ކުރިއެރުން ލިބުމީ އުފާކުރަންޖެހޭނެކަމެއް، އަހަރުމެން މަސައްކަތް މިކުރަނީ ދިރިއުޅުން ރަނގަޅު ކުރުމަށް ރަނގަޅު އާމްދަނީއެއް ހޯދުމަށް، ޔޫހާއަށްވެސް ރަނގަޅެއްނު އިތުރު އެއްޗެއް ލިބެންފެށީމަ، އޭރުން ކިޔާންގެ ކަންތައްތައް ކޮއްދިނުމުގައި އެއްގޮތަކަށްވެސް ފަސްޖެހޭކަށް ނުޖެހޭނެ” ޔޫހާގެ ދިރިއުޅުމުގައި އެންމެ ޚާއްޞަކަމެއް ދެވިފައިވަނީ ކޮންފަރާތަކައްކަން މާޔާއަށް އެނގިފައިވާތީ އެނަންވެސް ހިމަނާލީއެވެ. އޭނަގެ ބޭނުމަކީ ހެޔޮއެދޭ ރަޙުމަތްތެރިއަކަށްވެ ޔޫހާއަށް ހިތްވަރުދީ ލިބުނު ކާމިޔާބީ އާއިމެދު އުފާކުރުމެވެ. އަދި އެފަހިވި މަގަކީ ކިހާމުހިއްމު މަގެއްކަން އަންގާދީ ޔޫހާއަށް ވިސްނާދިނުމެވެ.
ހަވީރު ޑިއުޓީ ނިންމާފަ ޔޫހާ ގެއަށް އައީ ޝާއިން އާއިއެކުއެވެ. ސައިކަލުގައި ޝާއިންގެ ފަހަތުގައި ގެއާއި ހަމައަށް އާދެވެންދެންވެސް އެއްޗެއް ނުބުނެއިންނަން ފެށުމުން އެކަމާ ޝާއިން ސުވާލުކުރިއެވެ.
“ޝާއިންއަށް ކޮއްދެވޭނެކަމެއް ހަމަނެއްތަ؟” ޔޫހާ ޝާއިންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނަވެސް ކުރީ ސުވާލެކެވެ.
“ޔޫހާ، އަހަރެންގެ އަތުގައި ބާރުއޮތްނަމަ ޔޫހާ ނުބުންޏަސް ތިނިންމުން ބަދަލުކުރާނަން، އެކަމަކު މިފަހަރު…ތިކަމުގަ އަހަންނަށް ކޮއްދެވޭނެ ކަމެއްނެތް، ސީދާ ވެރިޔާ އެއޮތީ އެހެން އަންގާފަ، އަހަންނަށްވެސް މިއުޅެނީ މިކަމުގެ އެއްވެސް ހަގީގަތެއް ނޭގިގެން، ފައުޒީ އާއި ސުވާލުކުރެއްވިން، ކީއްވެހޭ ޔޫހާ ގެންދަނީ، ޔޫހާއަށްވުރެ ގިނަދުވަސްވެފަތިބި އަދި މަސައްކަތުގެ ތަޖުރިބާ ހުރި ކުދިން އެބަތިއްބޭވެސް ބުނިން….ފައުޒީ ބުނުއްވީ އެއީ ވެރިޔާ ބޭނުންވެލެއްވިގޮތޭ، އެކަމަށް އަހަރުމެންނަކަށް ފާޑެއް ނުކިޔޭނެއެއްނު…މިހެން އުޅޭއިރު ދެން ޔޫހާ ނުފެންނާނެތީ ކުޑަކޮށް ހިތްހަމަވެސް ނުޖެހިފަ މިހިރީ…ކީއްކުރާނީ މަސައްކަތުގެ ދާއިރާގައި މިހެން އުޅޭއިރު ވެރިންގެ ބަސްވެސް ގަބޫލުކުރަން އެބަޖެހޭވިއްޔަ” ޝާއިން ވާހަކަދެއްކިއެވެ.
ޝާއިންގެ ވާހަކަ އަޑުއިވިފައި ޔޫހާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން އިނދެ ގެއާއި ހަމައަށް އާދެވުމުން ސައިކަލުން ފައިބައިގެން ޝާއިން އާއިއެކު އައިސް ގޭތެރެއަށްވަނެވެ. އޭރު ކިޔާންވީ ސްކޫލްގައިކަން ޔޫހާއަށް އެނގުނެވެ. އަފްލީން ސިޓިންރޫމު ސޯފާގައި އޮށޯވެލައިގެން ސްކޫލްގެ ފިލާވަޅުތައް ބަލަންއޮތެވެ. ޔޫހާ ފެނުމާއިއެކު އަފްލީންގެ އަތުގައި އޮތް ފޮތް ލައްޕާލަމުން ތެދުވެ މުޅިދުވަހު ކިޔާން އުޅުނުގޮތުގެ ވާހަކަ ކިޔާދިނެވެ. ހާސްކަން ލިބި ހިތްހަމަނުޖެހިފައިހުރި ޔޫހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. މިދުނިޔޭގައި ދިރިހުރުމުގެ އެންމެބޮޑު ސަބަބުކަމުގައި ޔުހާއަށް އޭނަގެ ދަރިފުޅުވެއެވެ. ކޮންމެ ކަމެއް ކުރިކަމުގައިވިޔަސް އޭނަގެ ލޯބިވާ ކުޑަކުޑަ ކިޔާންއަށް އެކަމަކާއި ގުޅިގެން އެއްވެސް ގެއްލުމެއްވާކަށް ޔޫހާ ނޭދެއެވެ.
ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ކުދިން ބަލާ އައިސްތިބި ބެލެނިވެރިންތައް އެތެރެއަށް ވަންނަންފެށިއެވެ. ކިޔާން ބަލާ އައިސް ހުުރި ޝާއިންވެސް މީހުން ތަކުގެ ތެރެއިން އެތެރެއަށް ވަނުމަށް ކުދިފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. މީހުންތަކުގެތެރެއިން ކިޔާން އުޅޭ ކުލާސްރޫމާ ހަމައަށް ޝާއިން ދިޔައެވެ. އޭރު ކިޔާން ކުލާސްރޫމުގައި އެއްވަރަކަށް ދުވެލަ ދުވަލަ އުޅެއެވެ. ޝާއިން ފެނުމުން ކިޔާންގެ ކުލާހުގައި ހުރި އާންޓީ ކިޔާންއަށް ދެފަހަރަކު ގޮވާލިއެވެ.
(ނުނިމޭ)
This is my favorite story. I have been trying to find this story for a while. Even checked bookshops. Thankyou for uploading this story ????