HIMAAYATHE NETHIFAA [Part 2]

“ތްރީ ޕީޕަލް…” ލައިބާ މަޑުމަޑުން ބުނެލިއެވެ. އަޝްފާއަށް ލައިބާ އެއްޗެކޭ ބުނިކަން އެނގެއެވެ. އެކަމަކު ބުނީ ކީކޭކަމެއް ރަނގަޅަށް އަޑެއްނީވުނެވެ. ލައިބާ ވާހަކަދެއްކީ އެހާވެސް މަޑުންނެވެ.

“މިސްއަކަށް އަޑެއް ނީވުނު” އަޝްފާ ބުނެލިއެވެ. އެއާއެކު ލައިބާ ކުޑަތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ހޫ އަރ ދޭ” އަޝްފާ އިނގިރޭސިން އަހާލިއެވެ.

“މަދަރ، ބްރަދަރ…އެންޑް މީ…” ލައިބާ ބުނެލިއެވެ.

“އެނީ އަދަރ ޕަރސަން ލިވިންގ އިން ޔޯރ ހައުސް” އަޝްފާ އަނެއްކާވެސް ކަމެއް ޔަގީން ކުރަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.

މިފަހަރު ލައިބާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އެގޭގައި އިތުރު ބަޔަކު ނޫޅޭކަމެވެ. ލައިބާއަށް ލިބެމުންދިޔަ ހާސްކަމާއިއެކު އަތުގެ ބޮޑުވައި އިނގިލީގެ ނިޔަފަތިކެވެން ފެށުނެވެ.

“މިސް ވާހަކައެއް އަހަންތަ؟” އަޝްފާގެ ވާހަކަދެއްކުމުގައި ކުރިއަށްވުރެ ސީރިއަސްކަން އެކުލެވިގެންދިޔައެވެ.

“ލައިބާގެ މަންމަ ކީއްވެތަ ލައިބާ ބަލާ ނާންނަނީ، މަންމަ އުޅެނީ ބަލިވެތަ، މިސް ބޭނުން ލައިބާގެ މަންމައާއި ބައްދަލުކުރަން، މަންމަ ގާތު ބުނެފައެއްނު އޮތީ އޮފީހަށް އައިސްދިނުމަށްވެސް…ދެން އަދި އެއްވާހަކަ، ލައިބާއަށް ގޭތެރޭގަ އެއްވެސް ކުއްޖަކު އުނދަގޫ ކުރޭތަ، މިބުނީ ލައިބާ ބޭނުންނުވާ ކަންތައްތައް ކުރަން މަންމަ ނޫނީ ބޭބެ ބުނޭހޭ…” އަޝްފާ ޖެހިލުންވެ ހުރެ ދެއްކިވާހަކަ މެދުކަނޑާލީ ލައިބާއެވެ.

“ނޫން…ނޫން…އެއީ ލައިގެ މަންމަ އާއި ދޮންބެ، އެކުދިން އެކަހަލަ ހަޑިކަންތަކެއް ނުކުރާނެ…” ލައިބާގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.

އަޝްފާއަށް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. ލައިބާގެ ޖަވާބު އައިގޮތުންނާއިވެސް އެކުއެވެ. އެހެންނަމަވެސް ލައިބާއަށް ކޮންމެވެސް ކަމެއް ވާކަމާއިދޭތެރޭ އޭނަގެ ހިތުގައި ޝައްކުއުފެދެއެވެ.

އިސްކޫލުން ލައިބާ ގެނެސް ބޭރު ދޮރުން ވައްދާލިގޮތަށް ޔަޒާން ހިނގައިގަތީ ރަޒިއްޔާމެންގެއަށް ވަނުމަށެވެ. އޭރު އެގޭތެރެއިން ނަޒްމީ އާއި ފައިޒަން ނުކުންނަނީއެވެ. އެމީހުން އެދަނީ އަތިރިމައްޗަށް ދާންކަން ލައިބާއަށް އެނގެއެވެ.

“ދޮންބޭ، ސައި ނުބޮންތަ، ލައި އެކަނިއެއްނު ބަދިގެއަށް ދާންޖެހޭނީ” ލައިބާ ފާރުބުރިމަތިން ރަޒިއްޔާމެންގޭތެރޭ ހުރި ޔަޒާންއަށް ގޮވާލަމުން ބުނެލިއެވެ.

“މަށެއް ސައެއް ނުބޯނަން، ލައިބާ ބުނީމެއްނު ތީ މިހާރު ބޮޑުމީހެކޭ، ދެން ދޭބަލަ ބަދިގެއަށް ގޮސް ސައިބޯން” ޔަޒާން ބުނެލިއެވެ.

ލައިބާއަށް އެއަޑުއިވިފައި ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެހެން އެބުނީ ހަމަ ޔަޒާންބާއޭ އޭނަގެ ހިތަށް އެރިއެވެ. ލައިބާ ތުންފިތާލީ ދެރަވިލެއް ބޮޑުކަމުންނެވެ. ޔަޒާން އާއި ދިމާލަށް އިތުރަށް ބަލާކަށްވެސް އޭނަ ބޭނުމެއްނުވިއެވެ. އަވަސް އަވަހަށް ގޭތެރެއަށްވަދެގެން ގޮސް ކޮޓަރިއަށްވަނެވެ. އަދި އެއްޗެހި ބަދަލުކޮއްލައިގެން ބަދިގެ ފަރާތަށް ދާން ނުކުތީ ބަޑުހައިވެފައި ހުރިވަރުންނެވެ. ލައިބާ ހިތާ ހިތާ އެއްޗެހި ކިޔަމުންދިޔައީ ރުޅިއައިސްފަ ހުރުމުންނެވެ. އޭނަ އެކަނި ބަދިގެ ފަރާތަށް ދެވިދާނެ ކަމާއި މަންމަގެ ލޯތްބާ އަޅާލުމާއި އަދި ޔަޒާންގެ ލޯތްބާ އަޅާލުމެއްވެސް އޭނަ ބޭނުމެއްނޫނެވެ. މިކަހަލަ ގެއެއްގައި އޭނައަށް އުޅެންޖެހިފަ މިވަނީ ކީއްވެބާއެވެ.

ކުދިކިޔަމުން ގޮސް ބަދިގެއަށް ވަދެވުނުއިރުވެސް ލައިބާއަކަށް ނޭގުނެވެ. އާދައިގެ މަތިން ހަވީރު ސަޔަށާއި ހެނދުނުގެ ސަޔަށް ހުންނަ އެއްޗިއްސާއެކު ލައިބާ ސައިބުޔެވެ. އެއީ ފާރޮއްޓާއި ކަޅުސަޔެވެ. އޭނަގެ އުމުރުން ނުވަ އަހަރު ވީއިރު ގޭގައި އަބަދުވެސް ހުސްނުވެ ހުންނަ ކާއެއްޗަކީ އެއެވެ. ދެން މަދުފަހަރަކު ކްރީމް ކޭކަރ ބިސްކޯދު ހޯދާފައި ހުރެއެވެ. އެކަމަކުވެސް ދުވަހަކުވެސް ކާން ހުންނަ އެއްޗަކަށް ފާޑުކިޔާ ބޮޑާހާކައެއް ނުހަދައެވެ. ގިނަފަހަރަށް އެލިބޭ އެއްޗަކަށް ޝުކުރުކޮއްލައިގެން ހުންނަނީއެވެ.

އިރުއޮއްސެމުން ދިޔައިރު ލައިބާ އުނދޯލީގައި އިށީނދެލައިގެން އިނެވެ. އެކަމަކު އޭނަގެ މޫނުމަތިން އެހެންޏާ ފެންނަފަދަ އުފާވެރިކަމެއް ނުފެނެއެވެ. ވައިރޯޅިއާއިއެކު އުނދޯލި ހެއްލުމުންވެސް ލައިބާ އެކަމާއި މާގަޔައެއް ނުވިއެވެ. އޭނަ އަދިވެސް ހީވަނީ ފިކުރުބޮޑުވެފައި ވާހެންނެވެ. އާދައިގެ މަތިން ހައްވަ ދައިތަ ޖޯއްޔަށް ނުކުމެ އޮތްތަން ފެނެއެވެ. ގޭދޮށުގައި ހުންނަ ފިހާރައަށް ލޮލީ ގަންނަން އައިސް އުޅޭ ކުދިވެރިން ފެނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ލައިބާގެ ސަމާލުކަމެއް ނުދެވެއެވެ. ދެފަހަރަކު އުނދޯލި ކުރިއަށް ހެއްލިލާފައި ލައިބާއަށް އިވުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. ލައިބާ ވަށައިގެން ހޯދާލިއެވެ. އެއަޑު ލައިބާގެ ސަމާލުކަން ހޯދިއެވެ. ކުޑައިރުކޮޅެއްގެ ތެރޭ އަނެއްކާވެސް ހުނުމުގެ އަޑުއިވުނެވެ. ލައިބާ އުނދޯލިން ފައިބައި ބަނބުކެޔޮގަސް ވަށައިގެން ހޯދާލިއެވެ. އެކަމަކު އެކަކުވެސް ނުފެނުނެވެ. ލައިބާ މަގުމަތީ ދޮރުކައިރިއަށް ނުކުތީ ބޭރުގައި ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް މަގުމަތިން އެފަދަ އަޑެއް އިވިދާނެފަދަ އެއްވެސް ކަމެއް ލައިބާއަކަށް ފާހަގައެއް ނުކުރެވުނެވެ.

އަނދިރިވާން ފެށުމުން ވާގަނޑުން ނުކުމެގެން އަތިރީމަތީގައި އިން ޖޯލިފައްޗާ ދިމާލަށް ޔަޒާން އޭނަގެ ރަޙުމަތްތެރިންނާއި އެކު ހިނގަމުން ދިޔައެވެ. އެހެންނަމަވެސް ފައިޒަން އާއި ނަޒްމީ މިއަދު އެތާ މަޑުކުރާ ކަހަލަ ހިޔާލެއް ނުކުރިއެވެ. އެމީހުން ބޭނުންވީ މަޤްރިބު ނަމާދަށް އަވަހަށް ގެއަށް ދިއުމަށެވެ.

“އޭ ކަލޭމެން ދެމީހުން އެހެން އުޅެނިކޮށް ގޭމީހަކަށް ނުފެނޭތަ” ޔަޒާން އަހާލިއެވެ.

“ދޮންތަ އޮންނަނީ މަންމަ ކޮޓަރީގަ، އަހަރުމެން ދުވާލުގަޑީގައެއް ނުކުރަމޭ، ރޭގަނޑު މަންމަ ނިދަންވަދެއްޖެކަން ޔަގީންވީމަ އަހަރުމެން ކުރަނީ، އެހެން ނޫނަސް އަހަރުމެން ދޮރުތަޅުލައިގެން ތިއްބަސް މަންމަ އަޅައެއް ނުލާނެ” ނަޒްމީ ކިޔާދިނެވެ.

“އޭ ޒާން، ކަލޭ ކިހިނެތްތައް ތިހާ ފައްކާކޮށް މިކަންތައް ކުރަނީ، އަދިވެސް އެވާހަކައެއް ކިޔާދެވޭ ވަރެއް ނުވޭ” ފައިޒަން ޝައުގުވެރިކަން ފާޅުކުރިއެވެ.

“ހެ ހެ ހެ، އެއީ ބޮޑު ސިއްރެއް، އެވާހަކަ އަދި ބާއްވާ” ޔަޒާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

އިރުއޮއްސި އަނދިރިވެފައިވަނިކޮށް ގެއަށް އައިސް ޔަޒާންވަތްއިރު ބޮޑުއަށިމަތީ ޓީވީ ހުޅުވައިގެން ލައިބާ އިނެވެ. އޭނައަށް ޔަޒާން ފެނުމުން އެއްޗެއް ބުނަން އަނގަ ހުޅުވާލާފަވެސް އަނގަލައްޕާލިއެވެ. ޔަޒާން އަދިވެސް ލައިބާދެކެ ރުޅިއައިސްފައި ހުރެދާނެތީއެވެ. ޔަޒާންއަށް ލައިބާ ނުވެސް ފެންނަ ކަހަލައެވެ. އޭނަ ގޭތެރެއަށްވަތް ގޮތަށް ދިޔައީ ކޮޓަރިއާއި ދިމާލަށެވެ.

ހަފްތާއެއް ވޭތިވެގެން ދިޔައިރުވެސް ލައިބާ އާއި ޔަޒާން ވާހަކައެއް ނުދައްކައެވެ. ކުރިން އުޅޭހެން ލައިބާ އާއި ގާތްވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ޔަޒާންގެ މަސައްކަތަކަކީ ކޮންމެ ދުވަހަކު ލައިބާ އާއިއެކު އިސްކޫލު ދޮށަށް ދިއުމެވެ. އިސްކޫލަށް ލައިބާގެ ބެލެނިވެރިއަކު ގެންނަން ބުނެފައިވާތާވެސް ހަފްތާއެއް ވޭތުވެގެން ދިޔައިރު އެތަށް ފަހަރެއްގެ މަތިން އެތަށް ޗިޓެއްވަނީ ލައިބާއަށް ހަވާލުކުރެވިފައެވެ. ކުލާސް ޓީޗަރ އަޝްފާ ލައިބާ އާއި އެތަށް އެތަށް ސުވާލެއް ކޮންމެ ދުވަހަކުވެސް ކުރެއެވެ. އެކަމަކު އަޝްފާ ހީކުރާފަދަ ޖަވާބެއް ލައިބާގެ ފަރާތުން ނުލިބެއެވެ. އިސްކޫލުގެ ހެޑްމާސްޓަރު އަޒުރާގެ ފޯނަށް ގުޅުމުން ކޮންމެވެސް އެއްޗެކޭ ކިޔާ ހަމަޖައްސާލައެވެ. ނޫނީ ހެޑްމާސްޓަރަށް ދައުވަތު ދެނީ އެގެއަށް އަޒުރާބުނާ ވަގުތަކު ބައްދަލުކޮއްލަން އައުމަށެވެ.

ރެއަކީ އަޒުރާމެންގެ މަޖާގަނޑު ނަގަމުން ދިޔަ އެހެން ރޭ ރޭ ފަދަ ރެއެކެވެ. އެކަނިމާ އެކަނި ނިދިފައި އޮތް ލައިބާއަށް ހޭލެވުނީ ފާހާނާއަށް ދާން ޖެހިގެންނެވެ. ގޭތެރޭގައި ބަޔަކުމީހުންގެ ހުނުމުގެ އަޑާއި ވާހަކަދައްކާ އަޑުފަށްގަނޑު ލައިބާއަށް އިވުމުން ކޮޓަރި މޭޒުމަތީއިން ކުޑަސޯނާ ގަޑި ބަލާލިއެވެ. އޭރު ދޭއްޖަހާ ބޮޑުވެއްޖެއެވެ. ލައިބާ ދެއަތުން ލޯފޮހެލަމުން ފާހާނާ އާއި ދިމާލަށް ހިނގައިގަތީ އެއަޑުތަކަކީ އޭނައަށް ކުރިންވެސް އިވިފައިވާ އަޑުތަކަކަށް ވީމައެވެ.

ނިދަން އަރާ ހަމަޖެހިލިއެއްކަމަކު ލައިބާއަށް ނިދޭގޮތެއް ނުވިއެވެ. ފުރާޅުގެ ވަކަރެއްގައި އެލުވާފައިވާ ފަންކާ ކުޑަ އެއްލުމަކާއިއެކު އެނބުރެމުންދިޔަޔަސް އޭގެން ވައިރޯޅިއެއް ހާ ހިސާބުވެސް އެނދާހަމައަށް ފޯރާ ހެނެއް ހިއެއްނުވެއެވެ. ކުރިން ހޫނު ނުވިޔަސް މިހާރު ލައިބާގެ ހަށިގަނޑަށް އައި ބަދަލުތަކުގެ ތެރޭގައި ކުރިއަށްވުރެ ހޫނުވެ ހަށިގަނޑުން ހިތްލާ ދާގިނައެވެ. އެކަމުގެ ސަބަބުން ނިދާ ހޭލާއިރު ބޯދަށުގައި އޮންނަ ބާލީސްވެސް ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑަށް ތެމިފައެވެ. ލައިބާ އަނގައިން އަޑެއް ގޮއްވާލުމާއިއެކު ތެދުވެ އެނދުގައި އިށީނެވެ. އެވަގުތު ކޮންމެވެސް މީހަކު އައިސް ދޮރުގަ ޖެހިގެން އަޑާއިއެކު ހޭންފެށިއަޑު އިވުނެވެ. ލައިބާ ދޮރާ ދިމާލަށް ބަލާލިއެވެ. އެދަންވަރު އެގޭގައި ނިދުމުގެ ބަދަލުގައި ކުރަނީ ކޮންކަމެއްކަން މިހާ ދުވަސް ވީއިރުވެސް ލައިބާއަކަށް ނޭގެއެވެ. މީގެކުރިން އަޒުރާދެކެ ގަންނަ ބިރުންނާއިއެކުވެސް ދޮރުގެ އަނެއްފަރާތުގައި ހިނގާ ކަންތައްތައް ބަލާލަން ލައިބާ ފަސްޖެހެއެވެ.

އެނދުން ތެދުވެގެން ގޮސް ދޮރުގެ ތަޅުގައި ހިފާލަމުން ފުންނޭވާއެއް ލައިބާ ބޭރުކޮއްލިއެވެ. އެފަދަ ހިތްވަރެއް އޭނައަށް ލިބުނީ ކިހިނެތް ކޮންގޮތަކުން ކަމެއް ނޭގެއެވެ. މިހާރު އޭނައަށް ކަންތައްތައް ނޭގޭ ވަރަށް ކުޑައެއް ނޫނެވެ. އެހެންވެ ކަންތައްތައް އޮޅުން ފިލުވަންވެސް ބޭނުންވެއެވެ. ލައިބާ މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ.

ދޮރުކަނީގައި ބޯވިއްދާލަމުން ކުޑަކޮށް ހުޅުވިފައިވާ ދޮރުން ބޭރު ލައިބާ ބަލާލީ ސިއްރުސިއްރުންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. ހުއްޓުން އަރާފައި ގައިގޯޅިކޮށް އުޅެމުންދާ މީހުންތަކާއި ދިމާލަށް ބަލަން ހުރިއިރު އޭނައަށް އެމީހުންގެ ތެރެއިން ހާމަކަން ބޮޑުގޮތެއްގައި ޔަޒާންގެ ހިމަތޮޅި ހަށިގަނޑު ފެނިގެންދިޔައެވެ. ލައިބާއަށް އޭނަގެ ވަށައިގެން ހޯދާލެވުނީ އަޒުރާ ކޮބާތޯއެވެ. ބޮޑުއަށިމަތީގައި ޖޯޑު ޖޯޑަށް މަސްހުނިވަމުންދިޔަ ތިންމީހެއްގެ ތެރެއިން ބޮޑުކޮށް ހުރި ފިރިހެނެއްގެ އަތުގެ ތެރެއިން އަޒުރާގެ ދިގު އިސްތަށިގަނޑު ފެނުނެވެ.

އަޝްހަރުގެ އަތުގެ ތެރެއިން ސަލާމަތްވަމުން އޭނަގެ އަތުގައި އޮތް ތަށިން ކޯވަރެއް ބޯލަމުން މިޒުނާ އާއި ނަދީމާގެ އަތުގެ ތެރެއަށް ގޮސްވަތް ޔަޒާންއަށް ކޮޓަރީގެ ދޮރުން ބޯދިއްކޮއްގެން ހުރި ލައިބާ ފެނުނެވެ. އޭނަ ސިހިގެން ދިޔައެއްކަމަކު އެމޫނަށް ވެރިވީ ރުޅިވެރިކަމެވެ. ޔަޒާން ދެލޯ އަޅާލަމުން މިޒްނާގެ އުނގުގައި އިށީނދެ އޭނަގެ އަތުގައިވި ތަށީގައި ތުންޖެހިގޮތަށް ހުސްކޮށްލައިފިއެވެ. އެތަން ފެނިފައި ނަދީމާ އޭނަގެ އަތުގައި އިންތަށިވެސް ދިއްކޮލިއެވެ. ޔަޒާން ޖެހިލުމެއްނެތި އެތަށިވެސް ހުސްކޮއްލިއެވެ. ނަދީމާ ހޭންފެށިއެވެ. އަދި ޔަޒާން އާއި މިޒްނާ ގޮވައިގެން އަޒުރާގެ ކޮޓަރިއަށް ވަނުމަށް ދިޔައެވެ. އެހެންނަމަވެސް އަޒުރާގެ ކޮޓަރިއަށް ވަތް މިޒްނާ އާއި ނަދީމާ ގާތްވި ވަގުތު ބަލާފައި ޔަޒާން އެކޮޓަރިން ނުކުތެވެ. އޭރު ލައިބާ ފެންނާކަށް ނެތެވެ. ޔަޒާން ބޮޑުއަށި މަތީގައި ހުރި ތަބަކުގެ ތެރޭގައި ހުރި ބަނގުރާ އަޅާފައިވާ ހޯލްސްޓަން ފުޅިތަކުން ފުޅިއެއްނަގާ ތުނބުގާ ޖަހާލިއެވެ.

މެންދަމުން އަލިވެ ތިނެއްޖާ ބޮޑުވިއިރު ގޭތެރޭގެ އެތަން މިނަތަނަށް މީހުންތައް މަސްތުވެ ނިދިބަރު ވެގެން ވެއްޓޭ އުސޫލުން ޖެހިފައިތިއްބެވެ. ހަމަހޭގައި އެކަކުވެސް ނެތެވެ. އެހެންނަމަވެސް ކަނަކަށް ޖެހިފައި އިން ޔަޒާންގެ ހަމަހޭ އަދިވެސް އެބަހުއްޓެވެ. އޭނަގެ ބުއްދިފިލާދާވަރަށް އޭނަ ބަނގުރާ ބޭނުމެއްނުކުރެއެވެ. އަޒުރާ އާއި އޭނަގެ ރަޙުމަތްތެރިން ބޭނުންކުރަމުން ދިޔަ ތެޔޮބިޑިފަދަ އެއްޗެއް ޔަޒާން ބޭނުމެއްނުކުރެއެވެ. ހީވާގޮތުން އޭނަ އިނީ މިގަޑިއަށް ތައްޔާރުވެގެންނެވެ. ކައިރީގައި ވެއްޓިފައި އޮތް ހޯލްސްޓަން ފުޅި ދެފަހަރަކު އަތުން ދެއަތަކަށް ދުއްވާލުމަށްފަހު އޭނަ ތެދުވިއެވެ. މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ.

ނިދަން އުޅެއުޅެވެސް ނުނިދިފައި އޮތް ލައިބާ އޮތީ ބިއްދޮށަށް އެނބުރިއެވެ. ސިކުނޑި މަސައްކަތްކުރަމުން ދިޔަވަރަކަށް ހަށިގަނޑުން ހިއްލަމުން ދިޔަ ދާތިކިތައް ދިޔައީ އިތުރުވަމުންނެވެ. ބުރަކަށީގައި ކަނދުރާޔާ ދިމާލުން ނިދަން ލާފައިވާ ހެދުން ތެމެމުން ދާކަން ލައިބާއަށް އިޙްސާސް ކުރެވެއެވެ. އަނެއްކޮޅުން ބާލީހުގެ ކަންގަނޑުން މޫނު ފޮހެމުން ދިއުމުގެ ސަބަބުން ބޮޑުބައެއްވަނީ ތެމި ފޯވެފައެވެ. ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ދޮރުގެ ތަޅުގައި ހިފާ ދޮރުހުޅުވާލި އަޑުއިވުނެވެ. އެއަޑާއިއެކު ލައިބާ ވަގުތުން ދެލޯ މަރާ ބާރުކޮއްލިއެވެ. ހަމައެވަގުތު އެމީހަކު ވަރަށް ބާރަށް ދޮރު ޖެހިއަޑުއިވުނެވެ. އެހެންނަމަވެސް ލައިބާ އެއީ ކާކުތޯ ބަލާކަށް ބޭނުމެއްނުވިއެވެ.

ކުއްލިއަކަށް ލައިބާގެ ހެދުމުގައި ހިފާ މީހަކު ދަމައިގަތް ގަތީނުން އެނދުގެ މަގަތަށް ބެޑުސީޓާއެކު ލައިބާ އައެވެ. އެއާއެކު ލައިބާއަށް ބާރަށް ހަޅޭލަވައިގަނެވުނީ ގަތް ބިރުންނެވެ.

“ތި އެއްޗެހި ބާލާ….” ޔަޒާން އަމުރުވެރި ރާގަކަށް ބުނެލިއެވެ.

 ލައިބާ ވަގުތުން އެނދުންތެދުވިއެވެ. އަދި ބިރުވެރިކަމުން ފުރިގެންވި ނަޒަރަކުން ޔަޒާންއަށް ބަލަމުން ދިޔައީ އެއީ މިނިކާ ޖަނަވާރެއްހެންނެވެ. އަނެއްކާވެސް ޔަޒާންގެ އަމުރުވެރި ރާގުގައި ލައިބާއަށް ހަޅޭލަވައިގަތެވެ. ލައިބާގެ ކަންފަތުގައި ހިފަމުން އެއީ ކީއްކުރާ އެއްޗެކަން ނޭގޭތޯ ސުވާލުކުރިއެވެ. ނޫނީ ބީރުވީހޭ އެހިއެވެ. ލައިބާއަށް ޔަޒާންގެ ހަރުކަށިބަސްތަކުން ރޮވެން ފެށުނެވެ.

“ދޮ…ން…ބޭ” ލައިބާ ރޮމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ދޮންބޭއޭ ކިޔާނެކަމެއްނެތް، ކަލޭ ޖެހޭނީ އަހަރެން ބުނާގޮތް ހަދަން، އަދި މާރަނގަޅުވާން އެބައުޅެޔޭ، އަހަރެން ރަނގަޅަށް ކަންތައް ކުރީމަވެސް ކަލެއަކަށް އަހަރެން ބޭނުންވާ ގޮތެއް ނުހެދުނެއްނު، މިގޭގަ އުޅެވޭނީ މިގޮތަށް، އެންމެންގެ ބޭނުންތައް ފުއްދަދީގެން….” ޔަޒާން ލައިބާގެ ފައިގައި ހިފާ ދަމައިގަތެވެ. އެއާއެކު ލައިބާއަށް ބާރަށް ރޮއެގަނެވުނީ ވީތަދުންނާއިއެކުއެވެ.

ލައިބާ ރޮމުން ރޮމުން ޔަޒާންގެ އަތްފޮޅުވަމުން ދުރަށްދާން މަސައްކަތްކުރިއެވެ. ޔަޒާން ލައިބާގެ ހިކަނދިމަސްގަނޑުގައި ހިފާ ތަރުފާލުގަނޑު މައްޗަށް ވައްޓާލިއެވެ. އޭރު ލައިބާ ނޫން ނޫން ގޮވާއަޑު މުޅިކޮޓަރި ތެރެއަށް ފެތުރިގެންދިޔައެވެ. ހަމައެވަގުތު ޔަޒާން އާއި ލައިބާ ސިއްސައިގެން ދިޔައީ ފުރާޅުމައްޗަށް ބޮޑު އެއްޗެއް ވެއްޓުނު އަޑުފަދަ އަޑުފައްގަޑެއް އިވުމުންނެވެ. ކުޑައިރުކޮޅަކަށް ޔަޒާންގެ އަތްފައި ފިނިވެގެން ދިޔައީ އިވުނު ބާރު އަޑުންނެވެ. އެވަގުތު ލައިބާ ޔަޒާން ކޮއްޕާލަމުން ތެދުވެ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް ޔަޒާންގެ ފައިން ލައިބާގެ ފައިގާ ދަތިއަޅުވާލިއެވެ. އެއާއެކު ލައިބާ ތަރުފާލުގަނޑުމައްޗަށް އަނގަވައްތަށް ވެއްޓިއްޖެއެވެ. ޔަޒާން ގަދަބާރުން ލައިބާ އުޑުން ޖެހިއިރު އޭނަގެ އަނގަމަތިން ފަޅައިގެން ގޮސްފައި ހުއްޓެވެ. ނޭފަތާ ނިތްކުރިމަތިން ތަންގަނޑެއް ރަތްވެފައިވެސް ހުއްޓެވެ.

ޔަޒާން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ކުރަމުން ދިޔައެވެ. ލައިބާގެ އުނަގަނޑުން ތިރިއަށް ކުރިމަތިން ދިލަތަދެއް އިޙްސާސް ކުރެވުމާއިއެކު ގައިގާ ހުރިބާރަކަށް ހަޅޭލަވައިގަތެވެ. ނަމަވެސް އަރުތެރެއިން ރަނގަޅަށް އަޑުނުނިކުންނަނިސް ލައިބާގެ އަނގަމަތީ ޔަޒާން އަތްއެޅިއެވެ. ލައިބާ ދެފަރާތަށް ބޯހޫރުވަމުން ގޮސް ޔަޒާންގެ އަތުގައި ދަތްއެޅިއެވެ. އެއާއެކު ޔަޒާންގެ އަނެއްއަތުން ލައިބާގެ މޫނުމަތީ ހޫނު އެތިފަހަރައް ޖެހިއެވެ. އަދި ރުޅިއައިސް ރަތްވެގެންގޮސް ލައިބާގެ އަނގަމަތީގަ އާއިއެކު ދެއަތުން ތަޅަން ފެށިއެވެ. އެގޮތަށް ހުއްޓުމެއްނެތި ފަނަރަ ނޫނީ ވިއްސަކަށް މިނެޓު ވަންދެން ލައިބާއަށް އޭނަގެ މޫނުގެ އެތަންމިތަނުން ޔަޒާންގެ އަތްތިލަ ހޫނުކަންމަތީ ބީއްސާލިގޮތް އިޙްސާސް ވަމުންދިޔައެވެ. އަދި އެދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައެވެ. އެވަގުތުވެސް ފުރާޅުމަތިން ވަކިދިގު ޖަނަވާރެއްގެ ވަކިތައް ޓިނުތަކުގައި ދަމާފަދަ އަޑުފަށްގަނޑެއް އިވެމުންދިޔައެވެ. އެހެންނަމަވެސް ޔަޒާން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އޭނަގެ ހަށިގަނޑުގަ ދައުރުވަމުން ދިޔަ ލޭވަނީ ހޫނުވެފައެވެ.

ލައިބާއަށް ނޭވާލާނެ ހާ ވަގުތު ލިބުނީ ޔަޒާން ތެދުވަން މަސައްކަތް ކުރުމުންނެވެ. އެހެންނަމަވެސް އެއީ މަދު ސިކުންތިކޮޅެއްގެ ހަމަޖެހުމެކެވެ. ދެން ޔަޒާން ކުރަންފެށި ކަމަކުން ލައިބާއަށް ހީވީ ތޫނުތަދަކާއިއެކު އޮތްތަނަށް ބޮޑުކަމު ދެވިދާނެހެންނެވެ. އަނެއްކާވެސް ލައިބާއަށް ހަޅޭލަވައިގަނެވުނެވެ. އަޒުރާއަށް އަޑުގެ ނެތްތަނަށް އެތަށް ފަހަރަކު ގޮވިއެވެ. ޔަޒާންއަށް އެތަށް ފަހަރަކު އާދޭސްކުރިއެވެ. ޔަޒާން ބޭނުންވާ ގޮތަށް އޭނަ އުޅޭނަން ކަމުގައި އެތަށް ފަހަރަކު ބުނަމުންދިޔައެވެ. އެންމެފަހުން ލައިބާއަށް އޮތްތަނަށް ބޮޑުކަމުވެސް ދެވުނީއެވެ. ގިސްލަމުން ގިސްލަމުން ގޮސް އޭނަގެ ހަބަރުހުސްވީ ކޮންވަގުތަކު ކަމެއްނޭގެއެވެ. އޭރު ލައިބާގެ އުނަގަނޑުން ތިރިވަނީ އައްސިވެފައެވެ. ދެފައި ހަމައެކަނި އޮތްކަމެވެ. ހަރަކާތެއް ގެންނާނެހާ ވަރުވެސް ނެތެވެ. ދެފައި ތަޅުވާވެސް ލެވޭނީ އެންމެ ކުޑަމިނުން ލައިބާގެ އުނަގަނޑުން ތިރި އިޚްސާސް ވާނަމަނޫންހެއްޔެވެ.

ލައިބާއަށް ހޭވެރިކަންވީ އޭނަގެ މޫނުގައި ދެފަރާތުން މީހަކު ތަޅަން ފެށިމުންނެވެ. މަޑުމަޑުން ލޯހުޅުވާލިއިރު އެއްފަރާތެއްގައި ޔަޒާންއިނެވެ.

“ތިތާ ދެން އޮންނަންވީކީ ނޫނޭ، ތެދުވެ ތިތަން ސާފުކޮއްބަލަ، އެހެންނޫނީ ނޯއްދަމާލަން ނުކުރޭނެ، މަންމަ އައިސްފަ ހަޅޭލަވާނީ މަށަކަށްނޫން، ހަމަ ލައިބާ އާއި ދިމާލަށް….ދެން ތެދުވޭ، އެހެންނޭ ވާނީ…ރީތިކޮށް ބުނީމަ ބުނާގޮތް ހަދައިގެން ލައިބާ އުޅޭނަމަ، ފާޑަކަށް ބޮޑުވާން ވެއްޖެވިއްޔަ، އަހަންނަށްވުރެ މިސްމެން ދައްކާ ވާހަކަ އަޑުއަހަންޏާ ތިހެންވާނީ، އަޅެ ދޮންބެ ގޯސްތަ ލައިއަށް” ޔަޒާންގެ އަޑުގައި އަދިވެސްވަނީ އަމުރުވެރި ގޮތެވެ.

ލައިބާގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. ޔަޒާން ލައިބާ ނަގަން އަތުގައި ހިފުމުންވެސް ފޮޅުވާލިއެވެ. ޔަޒާން އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ލައިބާއަށް އަނެއްކާވެސް އަމިއްލަ ހާލާމެދު ރޮވުނީއެވެ. އެކަމަކު އެހެން މާގިނައިރު އިނދެފިނަމަ އިރުއަރާފާނެއެވެ. މަޑުމަޑުން ލައިބާ ތެދުވަން މަސައްކަތްކުރިއެވެ. ކޮޅަށް ތެދުވެވުނެއްކަމަކު ލައިބާއަށް ހުރީ ގުޑިލަން ނުކެރިފައެވެ. އެކުޑަ ހަށިގަނޑުގެ އެކިތަންތަނުގައި އަޅާ ވޭނުންނެވެ. ދެދަތްފިލަ ޖައްސާބާރުކޮއްލުމާއިއެކު ދެލޯމަރާލައިފައި ކުރިއަށް ފިޔަވަޅެއްއެޅިއެވެ. ތުރުތުރަކާއިއެކު ލައިބާ މަޑުމަޑުން ކުރިއަށް ގޮސް ފާހާނާއަށްވަނެވެ.

އިރުއަރާދިޔައިރުވެސް ލައިބާ އުޅުނީ ކޮޓަރީގައި އަޅާފައިވާ ތަރުފާލުގަނޑު ސާފުކުރުމުގައެވެ. އޭރުވެސް ޔަޒާން އެނބުރި އެކޮޓަރިއަށް ނާދެއެވެ. އޭނަ އެދިޔައީ ކޮންތާކަށްބާއޭ ލައިބާގެ ހިތަށް އެރިއެވެ. މިގަޑީގަ އޭނަ ދާނެތަނެއްވެސް ނޯންނާނެއެވެ. ލައިބާ މޫނު ހަދާލަމުން ތުންފަތްދަމާލީ ޔަޒާންދެކެ ވީ ފޫހިންނެވެ. އަދި ދެލޯ ފޮހެލަމުން ލައިބާ ކުދި ފިޔަވަޅުގައި ފެންބާލިދީއާއި ސައިބޯނި ފުޅި ހިފައިގެން ފާހާނާއަށްވަނެވެ. އަދި ފެންވާރާ ގައިން ތާހިރުވުމަށް އަވަސްވެގަތެވެ.

އަޒުރާއަށް ތެދުވެވުނު އިރު ބާރަ ޖަހަނީއެވެ. އޭރު ކައިރީގައި ނިދާފައި އޮތް ޔަޒާން ފެނުނެވެ. އަތުން ދެފަހަރަކު ޔަޒާންގެ ގައިގާ ކޮއްޓާލަމުން އޭނަ ތެދުވެ އުޅާހަށްދެމިލިއެވެ. ކޮޓަރިން ބޭރަށް ނުކުމެ ގޭގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ގޭތެރެއަށް ހީވީ ވެލީގެ ތޫފާނެއް އައިހެންނެވެ. ފުރާޅުމައްޗަށް ހީވީ އޮއްގާތަކެއް އުކާލިހެންނެވެ. އަޒުރާ ކުއްލިއަކަށް ފަހަތަށް ޖެހިލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު ދެއަތުން ރީތުކޮއްލަމުން ހުޅިއެއްޖެހިއެވެ. ފުރާޅާ ދިމާލަށް ބަލާލުމަށްފަހު ދޮރުން ބޭރަށް ނުކުތީ ކުދިވެރިންތަކެއް އަނެއްކާ ފުރާޅުގަ އުޅެނިބާއޭ ހިތާއެވެ. އޭރު ޖެހިގެން ހުރި ހައްވަ ދައިތަމެންގޭން ނާއި ރަޒިއްޔާ މެންގޭ ތެރެއިން ހުކުރު ދުވަހަށްވީތީ ރެޑިއޯއިން ޤުރުޢާން ކިޔަވާއަޑުއިވެމުންދިޔައެވެ. ދެފަރާތަށް ބަލާލުމަށްފަހު ގޭތެރެއަށް ވަންނަން އައިވަގުތު އަޒުރާގެ ލޮލުގެ ހިމަކޮޅުން ބަނބުކެޔޮ ގަހުގެ ފަހަތުގައި އެއްފަޅި ފެންނަގޮތަކަށް މީހަކު ހުރިހެން ހީވިއެވެ.

ސިހިފައި ކުއްލިއަކަށް ބަނބުކެޔޮ ގަހާއި ދިމާލަށް އަޒުރާއަށް ބަލާލެވުނެވެ. އޭނަގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. މިއަދަކީ ހާދަ އާދަޔާ ހިލާފުކަންތައްތަކެއް ފާހަގަ ކުރެވޭ ދުވަހެކޭ އޭނަގެ ހިތަށް އެރިއެވެ. ދެތިން ފަހަރަކު ބަނބުކެޔޮ ގަހާއި ދިމާލަށް ބަލާލުމަށްފަހު ދެފަރާތަށް ބޯހޫރުވަމުން ގޭތެރެއަށްވަނެވެ. ބަނބުކެޔޮ ގަސްދޮށުގައި މީހަކު ފެންނަންނެތުމުން އޭނަ ނިންމީ އެއީ އޭނައަށް ހީވި ހީވުމަކަށެވެ.

“އޭ ޒާން، ޒާން….ދެން ތެދުވޭ، ތިތެދުވެގެން ފެންވަރަން ދާން އުޅޭ” އަޒުރާ ކޮޓަރިއަށްވަދެ އޭނަގެ އެނދުގައި ނިދާފައިއޮތް ޔަޒާންއަށް ގޮވިއެވެ.

ލޯއުނގުޅަމުން އާފުރެމުން އެކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތް ޔަޒާންގެ ދެލޯ އޭރުވެސް ރަނގަޅަށް ނުހުޅުވެއެވެ. ދެފައި ކާތަމުން ކަހަލަ ގޮތަކަށް ގޮސް އޭނަގެ ކޮޓަރިއަށް އޭނަވަނެވެ. އޭރު ކޮޓަރީގައި އެނދު ބިއްދޮށަށް އަރާއިން ލައިބާއަށް ޔަޒާން ފެނުމާއިއެކު ތެޅިގަނެވުނެވެ. ބިރުންގޮސް އޭނައަށް ވަގުތުން ރޮވިއްޖެއެވެ. އެހެންނަމަވެސް ޔަޒާން ލައިބާއަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އެއަށްވުރެ އޭނަވަނީ މާބޮޑަށް ނިދި އައިސްފައެވެ. އެހެންވެ އަނެއްކާވެސް އޭނަގެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތީއެވެ. އެތަންފެނުމުން ލައިބާ ކަރުނުންފުރިގެންވި ލޮލުން ޔަޒާންއަށް ބަލަން އިރުކޮޅެއްވަންދެން އިނެވެ. އަދި އޭނަ ނުތެދުވާނެކަން އެނގުމުން މަޑުމަޑުން އެނދުމަތިން ފައިބައިގެން ގޮސް ކޮޓަރިން ބޭރަށް ނުކުތެވެ.

ލައިބާ މަޑުމަޑުން ގޮސް އަޒުރާގެ ކޮޓަރީގެ ދޮރުހުޅުވާލަން ހިފާލިއެވެ. އެހެންނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ. ލައިބާ އެނބުރި ކޮޓަރިއަށް ވަންނާކަށް ބޭނުމެއްނޫނެވެ. އެހެންވެ ބޮޑުއަށި މައްޗަށް އަރާ ކަނެއްގައި ކުޑަވެލައިގެން ކަހަލަ ގޮތަކަށް އޮށޯވެލިއެވެ. އެހެން އޮތްއިރުވެސް އޭނައަށް ހަމަރޮވެނީއެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ވޭންއަޅަނީއެވެ. ބުނަންވީ ކާކު ކައިރީހެއްޔެވެ. އެހީވާނީ ކާކު ހެއްޔެވެ. ރޮއެ އާދޭސް ކުރުމުން އެއަޑުއަހާނީ ކާކުހެއްޔެވެ. ގަނެފައިވާ ބިރާއި ލިބެމުންދިޔަ ހިތްދަތިކަން ފިލުވަދޭނީ ކާކުހެއްޔެވެ. ލައިބާއަށް ގިސްލެވެމުން ދިޔައިރު މަޑުމަޑުން އެދެތުންފަތުން އާހެއްގެ ގޮތުގައި ބޭރުވަމުންދިޔައީ މަންމާ އެލަފްޒެވެ. ކޮންމެ ގިސްލެވުމަކާއިއެކު އޭނައަށް ގޮވާލެވެނީ މަންމައަށެވެ. އެއީ ކޮންފަދަ މަތިވެރި ލަފްޒެއްހެއްޔެވެ. މަންމަގެ މަޤާމަކީ އެހެންމީހަކަށް ދުވަހަކުވެސް ފުރޭނެ މަޤާމެއްނޫނެވެ. މައެއްގެ ފަރާތުން ލިބޭ އޯގާތެރި އެންމެ ފިރުމާލުމަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. ހުރިހާ ކަމަކަށް ފުދިދެއެވެ. މިއަދު ލައިބާ އެވަނީ އެފަދަ މަންމައަކަށް ބޭނުންވެފައެވެ. އެފަދަ އޯގާތެރި އަތަކަށް ބޭނުންވެފައެވެ. ހިމާޔަތަކަށް އެދިއެވެ.

“ނިދަންމިޔަރު މަސްކައިގެންތަ ކަލޭމެން ތިއުޅެނީ، ޒާންއަށްވެސް ހޭލެވޭ ކަމަކަށް ނުވި، ކަލޭވެސް ބޮޑުއަށިމައްޗަށްތަ އަރާ ނިދަންވީ، ކޮޓަރީގަ ހުރި އެނދު އެއީ ކީއްކުރާ އެއްޗެއްތަ؟” އަޒުރާ ލައިބާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން އެއްޗެހި ކިޔަންފެށިއެވެ.

ލައިބާ ކައްޓެއްގެން އަވަހަށް ތެދުވެ ކޮޅަށްޖެހުނެވެ. އަދި ބޮޑުއަށިމަތިން ފޭބިއެވެ. އަޒުރާ އެއްޗެހި ކިޔަމުން އިލޮށިން ހަދާފައިވާ ފިހިގަނޑު ފާޑުގެ އެއްޗެއް ހިފައިގެން ގޯތިތެރެ ކުނިކަހަން އުޅުނެވެ. ލައިބާއަށް ހޭލެވުނު އިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ހަށިގަނޑުގެ ހަކަތަ އެއްކޮށް ހުސްވެފައެވެ. އެހެންވެ ފެންވަރާލުންވެސް ފަހަށް ޖައްސާލަމުން ބަދިގެއަށް ދިޔައެވެ. އޭރު އަޒުރާ ބަދިގެ ފަރާތް ކުނިކަހަން އުޅެއެވެ. ލައިބާ ބަދިގެއަށް ވަތްއިރު ރަބަރު ބޯތަށިފާޑުގެ ތައްޓެއްގައި ހަދާފައިހުރި ސްޕެގެޓީ އަޅާފައި ހުއްޓެވެ. އުނދުންމަތީ ހުރި ތެލީގެ ފިޔަން ހިއްލާލިއިރު ބަތްވެސް ކައްކާފައި ހުއްޓެވެ. އެތެލިކައިރީގައިއިތުރު ތެއްޔެއް ސަރުފޯސް ޖަހާފައި ހުރުމުން ލައިބާ ތެލީގެ ސަރުފޯސްގައި ހިފީ ބަލާލުމަށެވެ. އެހެންނަމަވެސް އޭނަގެ އަތުން ސަރުފޯސް ދޫވެގެން ވެއްޓުނީ ހޫނުކަމުންނެވެ. އެތެލިވީ ދެންމެ ކައްކާ ބާލާފައި ހުރި ގަރުދިޔަ ތެއްޔަކަށެވެ.

“އެއީ ކޮންއަޑެއް، ކޮންއެއްޗެއް ވައްޓާލިއަޑު އެއީ…ލައިބާ” އަޒުރާ ކުނިކަހަން ހުރެފައި ބަދިގެ ތެރެއިން ސަރުފޯސް ވެއްޓުނު އަޑަށް ބުންޏެވެ.

“މަތިގަނޑު ވެއްޓުނީ، މަންމާ…ލައި އޭނދަ ގްރީން ތަށިން ނޫޑުލިސްކޮޅެއް ނަގަންތަ” ލައިބާ ބަދިގެ ދޮރުކައިރިއަށް ޖެހިލާފައި އަހާލިއެވެ.

“ދެން އެ ސްޕެގެޓީތަށި ކަލޭ އެއްކޮށް ކައި ހުސްކޮށްލާނީކީ ނޫން، ޒާންއަށް ބަހައްޓާތި، އޭނަވެސް އެބަ އާދޭ ކާންވެގެން، އެހެންނޫނަސް ގަރުދިޔަ އާއި ބަތް އެހެރީނު، އެކާންވީނު” އަޒުރާ ލައިބާއަށް ބަލާލާފައި އެހެންބުނެ ކުނިތައް އެއްފަރާތަކަށް އެއްކޮއްލިއެވެ.

ލައިބާ ބަދިގެ ތެރެއަށްވަނީ ދެރަވެފައި ހުރެގެންނެވެ. އޭނައަށް ޔަޒާން ނުކާކަމެއް އަދި ނޭގެއެވެ. ގަޑިންވީއިރެއްވެސް އޭނައަކަށް އަދި ނޭގެއެވެ. ސްޕެގެޓީވެސް ދެމީހުން ކާވަރަކަށް އެތައްޓަކުނެތެވެ. އެހެންވެ ދެއިނގިލި ކުރިން ސްފެގެޓީކޮޅެއްނަގާ ރަހަ ބަލާލުމަށްފަހު ތަށި ހިފައިގެން ކައިރިވީ ބަތްއެޅުމަށެވެ. އަދި ގަރުދިޔަ ފޮދަކާއިއެކު ކާން މޭޒުކައިރީ އިށީނެވެ. ރަނގަޅަށް ކާން ނުފެށެނިސް ބަދިގެ ތެރެއަށް ދޮރުން ބޭރުން އެއްލި ލުނބޮއެއް އައިސް ޖެހުނީ ލައިބާ ކާން އިން މޭޒު މައްޗަށެވެ. ލައިބާއަށް ސިހިފައި ބަތްތަށި އެއްފަރާތްކޮއްލެވުނެވެ. ރަނގަޅަށް މޭޒުމައްޗަށް ބަލާލިއިރު ލުނބޮއެއް އޮތުމުން އޭނަގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެންދިޔައެވެ. އޭނަ ހީކުރީ އަޒުރާ އެއްލި އެއްޗެއްކަމަށެވެ. ތެދުވެގެންގޮސް ލުނބޯ ދޮވެލާފައި ލައިބާއަށް ފުދޭވަރުގެ ލުނބޯކޮޅެއް ލައިގެން ކާންފެށިއެވެ. ފުރަތަމަ ސުވާ އަނގައަށް ލެވުމާއިއެކު ލައިބާއަށް ހަފާލުމެއްނެތި އަވަސް އަވަހަށް ދިރުވާލިއެވެ. އަދި ފެންބުއިމަށް އަވަސްވެ ގަތެވެ. އެހެނީ އޭނަގެ ތުންފަތް ހަލާކުވެފައި ހުރިއިރު ލުނބޮލުގެ ހުތް ޖެހުމުން ކަރާނެކަމެއް އޭނަ އެއްގޮތަކަށްވެސް ހަނދާންނެތީމައެވެ.

“މީ ދެން ވަރުގަދަ ކަމެއްތާ….ހަމަ އެއްކުރާއިރަށް އެބަ ބުރައިގެން ދެޔޭ…” އަޒުރާ ރުޅިއައިސްގެން ހަޅޭލަވާއަޑު ލައިބާއަށް އިވުނެވެ.

އަޒުރާ ބަދިގެ ހުންނަ ފަރާތް އެއްކޮސާފުކޮއް ހުރިހާ ކުންޏެއް އެއްކޮށްފައި ޖަސްތުގަނޑުން ނަގަން ގުދުވާއިރަށް ވައިރޯޅީއަކާއިއެކު އެއްކުރި ކުނިތައް ބުރައިގެން ދެއެވެ. ދެފަހަރަކު އަޒުރާ ކުނިނަގަން މަސައްކަތް ކުރުމަށްފަހު އެކަން ހުއްޓާލީ ރުޅި ގަދަވެގެންނެވެ. އެހެންވެ ކުނި ގޯނި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ޖަސްތުގަނޑު ކުނިތައް ކައިރީ ބާއްވާފައި އަޒުރާ ވަންނަން ދިޔައި ބަދިގެއަށެވެ.

“ލައިބާ…” އަޒުރާ ބަދިގެ ފާރުގައި ކުނިކަހަން ގެންގުޅުނު އިލޮށިފަތި ވައްތަރުގެ ފިހިގަނޑު ލައްގާލަމުން ގޮވާލިއެވެ.

ކިރިޔާ ގޮނޑީގައި ބުޑު ޖައްސާލައިގެން ކާންއިން ލައިބާ އަޒުރާ ބުނަން އުޅޭ އެއްޗަކަށް ސަމާލުވިއެވެ.

“ކޮންފާޑަކަށް އިނދެގެންތަ ތިކަނީ، ހޫ ތިއެއްނޫނޭ، އަހަރެން އެއްކޮފަ އެހެރަ ކުނިތައް ޖަސްތުގަނޑުން ނަގާ ގޯންޏަށް އަޅާފަ އެފަރާތް ކުނިކަހާލާ…ނޭނގެ މިއަދު މިޖެހެނީ ކޮންކަހަލަ ވައެއްކަމެއް، ހޫނު އެހާ ގަދަ ވައިރޯޅިއެއް ޖެހެނީކީ ނޫން، އެކަމަކުވެސް އެވައިރޯޅި އަންނަ ނާންނަ ދިމާލެއްވެސް އެނގެނީކީ ނޫން، އެ ޔަޒާންވެސް އަދިވެސް ކާން އަންނާކަށް ނޫޅޭ، މިހާރު އެއޮއްގެން ތިންގަނޑި ބައިވަނީ” އަޒުރާ ސިންކު ކައިރީ ހުރެ އަތްދޮވެލައިގެން ބަދިގެއިން ނުކުމެގެން ދިޔައެވެ.

އަޒުރާ ގޭތެރެ ހޯދަމުން ދިޔައިރު ޔަޒާން ހުރީ ބޭރު ފާރުކައިރީ ރަޒިއްޔާ މެންގޭ ކުއްޖަކާއި ވާހަކަ ދައްކާށެވެ. އެތަން ފެނުމާއިއެކު އަޒުރާ ހަޅޭލަވައި ގަނެއްޖެއެވެ.

“ބަލަ އަދިވެސް ކާން ނުވަނީތަ، ބަދިގޭގަ އެހެރީ ކަލެއަށް ކާން ނަގާފަ ހުރި އެއްޗިއްސޭ، ދޭބަލަ ކައިގެން އަންނަން، ލައިބާވެސް އެބައުޅޭ އެފަރާތުގަ” އަޒުރާ ގޭ ދޮރުމަތީ ޔަޒާންއަށް ބަލަހައްޓައިގެން ހުރެ ބުނަމުންދިޔައެވެ. އެއަޑަށް ރަޒިއްޔާމެންގޭ ނަޒްމީ ޔަޒާން ގާތު ސިއްރު ސިއްރުން އެއްޗެއް ބުނެލާފަ ދުވެފައި ގޭތެރެ އާއި ދިމާލަށް ގޮއްސިއެވެ. ޔަޒާންވެސް އަޒުރާގެ ކައިރިން އަޅާފައި ގޭތެރެއަށް ވަދެގެން ބަދިގެ ފަރާތަށް ދިއުމަށް ދިޔައެވެ.

ލައިބާ ކައިނިމިގެން ތަށިތައް ނެގުމަށްފަހު އަވަސްވެގަތީ އަޒުރާ ބުނިކަންތައް ކުރާށެވެ. ބަދިގެއިން ނުކުތްއިރު ފާރުގައި ލައްކޮއްލާފައި އިން އިލޮށި ފިހިފެނުނެވެ. އެކަމަކު އެދަނޑި ދިގުކަމުން ލައިބާއަށް އޭގެން ކުނިކަހަން އެހާ ފަސޭހައެއްނުވިއެވެ. އެހެންވެ އޭނަ ބަދިގެ ތެރޭގައި އިން އިލޮށިފަތި ނެގިއެވެ. މަޑުމަޑުން ބުރައިގެން ގޮސްފައިވާ ކުނިތައް އެއްކުރަން ފެށިއެވެ. އަދި ޖަސްތުގަނޑު ފޮޅާލުމަށްފަހު ކުނިނަގަން ތައްޔާރުކޮއްލި ތަނާހެން އަންހެން ކުއްޖަކު ހީލިއަޑު އިވުނެވެ. ވަގުތުން ލައިބާއަށް އެއަޑު ދެނެގަންނަން އެނގުނެވެ. އެއީ ލައިބާ އުނދޯލީގައި އޮއްވާ އިވުނު އަޑެވެ. އެއީ ކޮންކުއްޖެއްބާއެވެ. ކުނިނަގަން ގުދަށް އޮތް ލައިބާ ކުޑަކޮށް ވަށައިގެން ހޯދާލިއެވެ. އެކަކުވެސް ނުފެނުނެވެ. ޖަސްތުގަނޑުގައި ކުނިތައް ނަގާ ގޯންޏަށް އަޅާލިއެވެ. އަނެއްކާވެސް ހީލިއަޑު އިވުނީ ކުނިނަގަން ގުދުވިތަނާއެވެ.

“ކާކު…ކާކުތަ” ލައިބާ މަޑުމައިތިރި ކަމާއިއެކު ކޮޅަށް ތެދުވެ އަހާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފެންނާކަށް ނުހުރެއެވެ. ލައިބާ އެންމެ ފަހު ކުނިތައް ޖަސްތުގަނޑުން ނަގާ ގޯންޏަށް އަޅާލުމަށްފަހު ކުނިނެގިތަނުގެ ވެލިތައް އިލޮށިފަތިން ރީތިކޮއްލިއެވެ. އަދި އެނބުރިލީ ރަޒިއްޔާ މެންގެ އާއި އިންވަކި ކުރާ ފާރާއި މައިގެއާއި ދޭތެރޭ އޮތްހުސްތަންކޮޅުން ލާފައި މަގުމައްޗާވީކޮޅު ކުނިކަހަން ދިއުމަށެވެ. ގޯނި ގެންދިއުމަށް ހިފާލިއިރު ލައިބާއަށް ގެންދޭވަރަށް ވުރެން މާބަރެވެ. އެވަގުތު ގޭތެރެއިން ނުކުމެގެން ބަދިގެއަށް އައި ޔަޒާން ލައިބާއަށް ފެނުމުން ހުއްޓުން އަރާފައި އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. ޔަޒާން ލައިބާއަށް ލޯބިން ގޮވާލިއެވެ. ކައިފިންތޯ އަހާލިއެވެ. ލައިބާ އަނގައިންވެސް ނުބުނެ ބަލަން ހުރެވުނީއެވެ. ޔަޒާން ލައިބާ ގާތު ކުނިކަހަނީތޯ އަހާލަމުން ބަދިގެ ތެރެއަށްވަނެވެ. ލައިބާ އިލޮށިފަތި ހިފައިގެން ރައްޒިއްޔާމެންގާއި ދިމާލަށް އެނބުރިލިއެވެ. އެވަގުތު ލައިބާއަށް ރަޒިއްޔާމެންގޭ ފާރުބުރިމަތީ އިން އިސްކޮޅުން ކުރުކޮށް ހުރި އަންހެން ކުއްޖާފެނުމެން ސިހުނެވެ. ލައިބާ ހައިރާންވެފައި ބަލަހައްޓައިގެން ހުރުމުން އެ އަންހެން ކުއްޖާ ހީލިއެވެ. ލައިބާ އިތުރަށް ސިހުނީ އެ އަންހެން ކުއްޖާ ހީލި އަޑާއި އޭނަގެ ސޫރަ ފެނިފައެވެ.

ލައިބާ ބުނާނެ އެއްޗެއް ނޭގިފައި ފާރުބުރި މަތީގައި އިން އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރީއެވެ. ދެވަނަ ފަހަރަށް އެއަންހެން ކުއްޖާ ހިނިތުންވެލިއެވެ. އަދި އޭނަގެ އަތުގައި އޮތް އަސުރުމާ ދިއްކޮއްލިއެވެ. އެވަގުތު ލައިބާގެ ނޭފަތުގައި އެމަލުގެ މީރުވަސް ޖެހުނެވެ. އެކަމަކު އަދިވެސް ލައިބާއަށް ބެލެނީ އެއަންހެން ކުއްޖާގެ މޫނަށެވެ. އަދި މަޑުމަޑުން އޭނަގެ މޫނުގެ ކޯތާފަތުގައި އަތްލެވުނެވެ.

“ލައިބާ…” މިއުޒިކީ ހިތްގައިމު އަޑަކުން ލައިބާއަށް އެއަންހެން ކުއްޖާ ގޮވާލިއެވެ.

އެއީ ކޮންކަހަލަ ޖާދުވީ އަޑެއްހެއްޔެވެ. ލައިބާގެ މުޅި ހަށިގަނޑަށް އެއަޑުއިވުނު ފަދައެވެ. މުޅި ހަށިގަނޑަށް އެއަޑުގެ ހިތްގައިމުކަން ފެތުރިގެން ދިޔަކަން އިޙްސާސްކުރެވުނެވެ. ލައިބާ އެއްއަތުން އިލޮށިފަތި ހިފަހައްޓާލައިގެން ހުރެ އަނެއްއަތް ކުރިއަށް ދިއްކޮއްލީ އެއީ އޭނާއަށް ހީވާ ހީވުމެއްތޯ ޔަގީން ކުރުމަށެވެ. އެވަގުތު ފާރުބުރި މަތީ އިން އަންހެން ކުއްޖާވެސް އަތްދިއްކޮއްލިއެވެ. ލައިބާގެ އިނގިލިތަކުގެ ކޮޅު ގޮސް އެއަންހެން ކުއްޖާގެ އަތުގެ އިނގިލި ތަކުގައި ޖެހުމާއިއެކު ލައިބާ ސިހިފައި އަތް ދުރަށް ލިއެވެ. އެއާއިއެކު އަނެއްކާވެސް އެއަންހެން ކުއްޖާ ހޭންފެށިއެވެ.

“ކީއްވެތަ ލައި ހުންނަ ގޮތަށް ތިހުންނަނީ؟” ލައިބާ މަޑުމަޑުން ސިއްރެއް ބުނާހެން އަހާލިއެވެ.

“ހެ ހެ ހެ…ހީކުރޭ މީ ލައިބާގެ ދައްތައޭ” އެއަންހެން ކުއްޖާ ފާރުމަތީގައި އިނދެވާހަކަދެއްކިއެވެ.

“ލައިގެ ޓުވިންސެއް ހުރޭތަ؟ މަންމަ ނުބުނޭ އެވާހަކައެއް، ލައި އާއި ދޮންބެއާއި އެކަނި މިގޭގަ އުޅެނީ” ލައިބާ ދެއަތުން އިލޮށިފަތީގައި ހިފަހައްޓާލަމުން ވިސްނާލިއެވެ.

“މަންމަ ދޮގުވެސް ހަދާފާނެއެއްނު ލައިބާއަށް، އަހަރެން ލައިބާއަށް ހެޔޮއެދެން، ލައިބާދެކެ ލޯބިވޭ، އެކަމަކު އަހަންނަށް މިގޭތެރެއަށް ވަނުމުގެ ހުއްދައެއް ނޯވޭ، އަހަރެން ދުރު ދުރުން ލައިބާގެ ހާލު ބަލަން، އިސްކޫލަށް ދާތަންވެސް ދެކެން، ލައިބާ ބަލިވިކަންވެސް އެނގޭ…” އެއަންހެން ކުއްޖާ ކުއްލިއަކަށް ފެނުނީ ލައިބާގެ ކައިރީގައި ހުއްޓައެވެ.

“މަންމަ ކީއްވެ ލައި ގާތު ނުބުނީ އެވާހަކަ، މަންމަ ދޯ ބުނީ މިގެއަށް ނުވަންނާށޭ، ކޮންނަމެއް ކިޔަނީ، ލައި ހިތަށް އަރާ ލައިގެ ދައްތައެއް ހުންނަނަމައޭ، މަންމައަށް ފެނިއްޖެއްޔާ ނޭގޭނެ އަހަރުމެން ދެމީހުންގެ ތެރެއިން އަސްލު ލައިއަކީ ކޮބާކަމެއް” ކުޑަކޮށް ހިނިތުންވެލަމުން ލައިބާ ބުނެލިއެވެ.

ލައިބާގެ ކައިރީގައި ހުރި އަންހެން ކުއްޖާ ހުރީ ލައިބާގެ ސިފައިގައެވެ. އެއްވެސް ތަފާތެއްނެތެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިތިލައިގެ އިނގިލިތަކާއި ހަމައަށް އެއްވެސް ތަފާތެއްނެތެވެ. ލައިބާއަށް އެއީ އޭނަގެ އާއިލާ ކުއްޖެއްހެން އިހްސާސް ކުރެވުނީ އެހެންވެއެވެ. ފުރަތަމަ ތަފާތު ގޮތެއްހެން ހީވިއެއްކަމަކު އެއަންހެން ކުއްޖާގެ ވާހަކަތަކުން ދުރުމީހެއްހެން ހިއެއްނުވިއެވެ.

“ލުބާ، ލުބާ ކިޔަނީ، ލައިބާގެ ނަމާ ގުޅޭގޮތަށް، ހިނގާ އަހަރެން ލައިބާއަށް އެހީވެދޭނަން ކުނިކަހަން” ލުބާ ލައިބާގެ އަތުގައި ހިފާލަމުން ގޭތެރޭގެ މަގުމައްޗާވީ ފަރާތަށް ހިނގައިގަތެވެ.

ލައިބާގެ ހިތަށް ނޭގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ކީއްވެކަމެއް އޭނައަކަށް ނޭގުނެވެ. މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ލައިބާގެ ހަޔާތުގައި މަދުވެފައިވާ ރަޙުމަތްތެރިއެއްގެ މަގާމު ލުބާ ފުރާދިންހެން އޭނައަށް ހީވިއެވެ. އޭނަ ލުބާ އާއި އެކި އެކި ސުވާލުތައް ކުރިއެވެ. އޭނަ އުޅެނީ ކޮންގެއަކު ތޯއާއި މިހާ ދުވަސްވަންދެން އޭނަ ގެންގުޅުނީ ކޮންބައެއްތޯއެވެ. އަދި ލައިބާގެ ހަބަރު އެނގުނީ ކިހިނެތްކަމެވެ. ލުބާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް ލައިބާއަށް ގަބޫލުކުރެވުނެވެ. ލައިބާއަށްވުރެ ލުބާ ކުނިކަހަން މާކުޅަދާނައެވެ. ލައިބާ އުނދޯލީގައި ބަލަން އިންދާ ލުބާ މުޅި ގޯތިތެރެ އެއްކޮށް ކުނިކަހާ ނިންމާލައިފިއެވެ. އޭރު ލައިބާ އިނީ ލުބާ އޭނައަށް ދިން އަސުރުމަލާ ކުޅެންށެވެ. އިރުއިރުކޮޅާ އޭގެން ވަސްބަލާލައެވެ.

ލުބާ ގޭތެރެއަށް ވެއްދުމަށް ލައިބާ އުޅުނެވެ. އެކަމަކު އެކަމަށް އޭނަ އުޒުރުވެރިވިއެވެ. އަޒުރާއަށް ފެނިއްޖެއްޔާ ކަންތައްތައް ވަރަށް ގޯސްވާނެކަމުގައި ބުންޏެވެ. އަދި އެކަކު ކައިރީވެސް ލުބާ މިގެއަށް އަންނަ ވާހަކަ ނުބުނުމަށް ލައިބާގެ ގާތުން ވައުދުކުރުވިއެވެ. ލައިބާ ގާތު އިރުއޮއްސޭ ވަގުތު މިއަދުވެސް އަޒުރާ ބޭރަށް ދާނެވާހަކަ ބުންޏެވެ. އަދި އެގަޑީގައި ލުބާ އަލުން އަންނާނަން ކަމުގައި ބުންޏެވެ. އެއީ ލައިބާ އާއިއެކު އުނދޯލި ހެއްލާލުމަށެވެ. ލައިބާ ހިނިތުންވެލަމުން ގޭތެރެއަށް ވަނީ ލުބާ އެގޭން ނުކުތުމަށް ހިނގައިގަތުމުންނެވެ. އޭނަ ހުރީ ވަރަށް އުފާވެފައެވެ. ޔަޒާންގެ ވަކިތަކުން ޒަހަމްވެފައިވާ ޒަހަމްތަކުގައި ލުބާ އައިސް މަލަން އަޅާދިންފަދައެވެ. ލައިބާ ގެތޭރެއަށްވަދެގެން ގޮސް އޭނަގެ ކޮޓަރިއަށްވަނެއެވެ. އަދި އިރުއޮއްސެން ވާއިރަށް ފެންވަރާ ރީތިވެލަން އޭނަ ބޭނުންވިއެވެ. އޭނައަށް ލިބުނު އައު ރަޙުމަތްތެރިޔާ އަދި ޢާއިލީ މެމްބަރާއި ބައްދަލު ކުރުމަށެވެ.

މަސްދުވަހަށްވުރެ ގިނަދުވަސް ހޭދަވެގެން ދިޔައިރު ޔަޒާންގެ އަނިޔާވެރި ވަކިތަކަށް ލައިބާއަކަށް ކެތެއްނުކުރެވުނެވެ. އޭނަގެ ހަށިގަނޑުގައި އަބަދުވެސް ނުފިލާ ރިހުމެއް ހުރެއެވެ. ލައިބާއަށް މުޅިން އާކަމެއް މެދުވެރިވިއެވެ. އެއީ ފަހަކަށް އައިސް އޭނަގެ އެއްވެސް ބާރަކާއި ނުލާ ހިފެހެއްޓުމެއްނެތި ކުޑަކަމުދެވުމެވެ. އެގޮތުން އެއްދުވަހު އޭނަ އިސްކޫލުގައި ހުއްޓައިވެސް ކުޑަކަމުދެވުނެވެ. އެކަމުގެ ސަބަބުން ކުލާސް ޓީޗަރުގެ ސުވާލުތައް އަނެއްކާވެސް ގިނަވިއެވެ. އަނެއްކޮޅުން އެދުވަހު ގަތްވަރުގެ ލަދެއް ލައިބާ ދުވަހަކުވެސް ނުގަނެއެވެ. އެދުވަހަށް ފަހު ދެން ސްކޫލަށް ނުދާންވެސް ލައިބާ ނިންމިއެވެ. އެހެނީ އެދުވަހަށްފަހު ކުލާސް ކުދިންވެސް ލައިބާ ކުލާހަށް ހީސްލީ ވާހަކަ ދައްކާ ދިމާކޮއް ހަދާތީއެވެ. އޭގެފަހުންވެސް ލައިބާ ތިން ހަތަރު ދުވަހު އެމައްސަލަ ޖެހުނެވެ. އަނެއްކޮޅުން ބޮޑު ކަމުދިއުމުގައިވެސް އެއްވެސް ހިފެހެއްޓުމެއްނެތްތަނުގައި ލައިބާއަށް އެވަގުތުތަކުގައި ތަޙައްމަލު ކުރަންޖެހޭ ވޭނުގެ ސަބަބުން ކަރުނައަޅައެވެ. އެހާލު ލައިބާ އެކަމުގެ ހައްލަކަށް އެދި އަޒުރާގެ ގާތަށް ދިޔައެވެ. އޭރު ސްކޫލުންވެސް ލައިބާގެ ބެލެނިވެރިޔާ އާއި ބައްދަލުކުރަންވަނީ ނިންމާފައެވެ.

“މަންމާ، ވާހަކައެއް ބުންނަތަ” ލައިބާ ތެލި ދޮންނަން ބަދިގެ ބޭރުގައި ހުންނަ ސިންކު ދޮށުގައި ހުރި އަޒުރާގެ ހުއްދައަކަށް އެދުނު ކަހަލައެވެ.

“ހޫމް ބުނެބަލަ” އަޒުރާ އޭނަ ކުރަންހުރި މަސައްކަތް ކުރަމުން ލައިބާއަށް ބަލާލުމެއްނެތި ބުނެލިއެވެ.

“މަންމާ، ލައިގެ މިތަނަށް ވަރަށް ތަދުވޭ، ހީސްލާން ފާހާނާއަށް ދާންވާއިރަށް މާކުރިން ހީސްލެވެނީ، އަޅެ މަންމާ ލައި ޑޮކްޓަރަށް ގެންދެބަލަ” ލައިބާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ސާބަސް ލައިބާއަށް، ކަލޭ މިހާރު ބޮޑުވެގެންގޮސް ތަންތަނުގަ އަތްލަންޏާ އެހެންނޭ ވާނީ، އެހެންނޫނަސް ގިނައިން ފެންބޮންޏާ އަވަސް އަވަހަށް ހީސްލަވާނެއެއްނު، ތީކީ ޑޮކްޓަރަށް ދާވަރުގެ ކަމެއްނޫން….މަށަށް ތިތަންތަން ދައްކާނެކަމެއްނެތް” އަޒުރާ ދޮވުނު ތެލި ހިފައިގެން ބަދިގެ ތެރެއަށްވަނެވެ.

“މަންމާ ޕްލީޒް، ލައި ދޮގެއް ނުހަދަމޭ، ލައިއަށް ތަދުވަނީއޭ، ފުރަގަހަށްވެސް ތަދުވެޔޭ، އެތަނުން ލޭވެސް ބައެއް ފަހަރު އާދޭ، ޕްލީޒް މަންމާ، އަޅެ ޕްލީޒް މަންމާ، ލައި އެއްފަހަރުވެސް ޑޮކްޓަރަކަށް ދައްކަދީބާލަ، އޭރުން އެނގޭނެ މިހަދަނީ ދޮގެއްނޫންކަން، ލައި ކީއްކުރަންތަ ދޮގު ހަދަންވީ، އަޅެ މަންމާ…” ލައިބާއަށް ރޮވެން ފެށުނެވެ. ގިސްލަ ގިސްލާފައި ބާރަށް ލައިބާއަށް ރޮވިއްޖެއެވެ. ކޮންމެ ރެއަކުމެ އޭނަ ކުރިމަތިލާ ވޭނުންފުރިގެންވި ބިރުވެރިކަން އަޒުރާއަށް އަންގާދޭން އޭނަ ހަދާނީ ކިހިނެތްބާއޭ ހިތަށް އަރަމުން ދިޔައެވެ.

“ކޮންކަމަކާ މިހާރު ތި ރޮނީ، މި ކުއްޖާ އާއި ހެދި ބޯހަލާކު ވާވަރުވޭ، މީނަނޫނަސް މިގޭގަ މަގޭ ދަރިއެއް އެބައުޅޭ، ތިހާ ޝަކުވާބޮޑުވެގެންނެއް ނޫޅޭ، މިވެނިކަމެއް ކޮއްދީ، އެވެނި ކަމެއް ކޮއްދީ ކިޔަ ކިޔާފައެއް އޭނައެއް ނޫޅޭ….ލައިބާވެސް ނިކަން އެހެން އުޅެބަލަ” އަޒުރާ ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ބުނަމުންދިޔައެވެ.

“ދޮންބެ ލައިއަށް ތަދުކުރަނީއޭ، ދޮންބެ ލައިގެ ގައިގަ އަތްލާތިއޭ ތަދުވަނީ…” ރޮމުން ރޮމުން ލައިބާ ބުނެލިއެވެ.

“ލައިބާ…” އަޒުރާ ހަޅޭލަވައިގަންނަމުން އަތުގައި އެވަގުތުއޮތް ދެޔޮފަތުން ލައިބާގެ ކޮނޑުގައި ޖެހިއެވެ.

ކުރިއަށްވުރެ ބާރަށް ލައިބާ ރޯންފެށިއެވެ. އަޒުރާ ޖެހިތަނުގައި އަތްއަޅައިގެން ހުރެއެވެ. އަޒުރާ ލައިބާގެ ގައިގަ ތިން ހަތަރުތަނެއްގައި ދެޔޮފަތުން ބޮނޑިއެއް އަޅަމުން ހަޅޭލެވިއެވެ. ޔަޒާންގެ ބޮލުގައި އެފަދަ ތުހުމަތެއް އަޅުވަނީ އަޒުރާގެ ސަމާލުކަން ލިބޭނެކަމަށްތޯ ސުވާލުކުރިއެވެ. އަޒުރާ ލައިބާގެ ކޮނޑުގައި ހިފާ ބަދިގެއިން ބޭރަށް ކޮއްޕާލިއެވެ.

“ހަމަ މިހާރު މަގޭ ލޯމަތިން ކަލޭ ދުރަށް ދޭ، ޔަޒާންއަކީވެސް މަގޭ ދަރިއެކޭ، އޭނައޭ ކިޔައިގެން ކަލެއަށް ތިކިޔޭ އެއްޗެއް އެނގޭތަ” އަޒުރާ ބަދިގެ ދޮރުމަތީގައި ހުރެ އެއްޗެހި ކިޔަމުން ދިޔައިރު އޭނަގެ މޫނުވަނީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ލައިބާ ރޮމުން ރޮމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.

ލައިބާއަށް ގޮތްހުސްވީއެވެ. ހުރިހާ ވާހަކައެއް ބުނަން މަސައްކަތް ކުރުމުން ލައިބާ ވަރުގެ ގޯސް މީހަކު މިހާރު ނެތެވެ. އަޒުރާ ކުރިއަށްވުރެވެސް ބޮޑަށް ލައިބާދެކެ ފޫހިވެއްޖެއެވެ. އޭނަ ފެންނަ ހިސާބަށްވެސް ލައިބާ އައުން އޭނަ ނޭދެއެވެ. އަނެއްކޮޅުން އޭނަގެ ހިތްބިރުގަތީ އޭނަގެ އަތުން ޔަޒާން ގެއްލިދާނެތީއެވެ. އެހެންވާކަށް އޭނަ ބޭނުމެއްނޫނެވެ.

ލައިބާގެ ކުލާސް ޓީޗަރަށް ލައިބާއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަ ކުރެވި ހުދު އޭނަ ގޮސް ހެޑްމާސްޓަރަށް އެވާހަކަ ދަންނަވައިފިއެވެ. އަހަރު ނިމެން މިހާތަނަށް އައި އިރުވެސް ލައިބާގެ ބެލެނިވެރިއަކާއި ބައްދަލު ނުވެވުނުކަމާއި، އަދި އެތަށް ފަހަރެއްގެ މަތިން ލައިބާއަށް ޗިޓު ހަވާލުކުރެވުނު ކަމެވެ. އަޝްފާ ހެޑްމާސްޓަރަށް ލައިބާއަށް ދިމާވާ ކަންތައްތަކުގެ ވާހަކަ ކިޔާދެއްވިއެވެ. ފަހަކަށް އައިސް ކުލާސްރޫމަށް ކުޑަކަމުދެވުމާއި، ކުރިއަށްވުރެވެސް ބޮޑަށް ކުދިންނާއި ދުރުހެލިވާތަން ފެނުމާއި، ވާހަކަދެއްކުމުގައި އާގަންނަ ގޮތެއް ހުރުން، މިފަދަ ކަންތައްތަކަކީ ބެލެނިވެރިން ހާއްސަކަމެއް ދޭންވެއްޖެ ކަންތައްތައްކަމުގައި އަޝްފާ ދެކުނެވެ. ލައިބާގެ ހަމަހިމޭންކަން އެއްގޮތަކަށްވެސް އަޝްފާއަށް ކަމަކު ނުދެއެވެ. އޭނަ ހެޑްމާސްޓަރަށް އެކިއެކި ޝަކުވާތައް ހުށައެޅިއެވެ. އޭގެތެރެއިން ކުރިން ކިޔެވުމަށް މޮޅު ލައިބާގެ ކިޔެވުމަށްވެސް ބަދަލުތަކެއް އަންނަކަމުގައެވެ.

“ލައިބާގެ މަންމައަކީ އަޒުރާ، އަޅުގަނޑު ދަންނަން އޭނަ، އަޝްފާ އާއި ބައްދަލުކުރުމަށް އަޅުގަނޑު މިއަދު އެގެއަށް ޗިޓެއްފޮނުވާނަން، އަޅުގަނޑުވެސް ދެތިންފަހަރު ދަންނަވައިފިން އަޒުރާ އާއި ބައްދަލުކޮއްލަން، ކަންތައްތައް މިހާ ސީރިއަސްކަމެއް އޭރު ހިތަކަށް ނާރާ، އަޝްފާ ބޭނުންނަމަ އަޒުރާ އާއި މިކޮޅުން ގުޅާދެވިދާނެ، އޭރުން ކަންނޭގެ އެންމެ ރަނގަޅުވާނީ، އެހެންމިބުނީ ޗިޓު ފޮނުވިޔަސް އަޒުރާ އަންނާނެހެން ހީނުވާތީ، އޭނަ އަބަދުވެސް ފޮނުވާނީ އޭނަގެ ފިރިހެން ދަރި، އެކުއްޖާވެސް ކިޔެވުމުގެ ފެންވަރު ދަށްކަމުން އެހެރީ އިސްކޫލުން ވަކިކުރަންވެފަ، އެކަމަކު މި މަޑުކުރަނީ މިއަހަރު ނިމެންދެން، އެކުން މިރަށުން ކިޔެވޭނީ ގުރޭޑް ހަތަކާއި ހަމައަށް ވީމަ…ކީއްކުރާނީ، ފަރުވާކުޑަ ބެލެނިވެރިންވެސް އަދިވެސް އެބައުޅޭވިއްޔަ” ހެޑްމާސްޓަރު ނިތަށް ރޫއަރުވާލަމުން ކަންބޮޑުވެފައި އިން ރާގެއްގައި ބުނެލިއެވެ.

“އަޅުގަނޑުމެންގެވެސް ޒިންމާއެއް ނޫންތޯ އެއީ ދަރިވަރަށް ދިމާވާ ކަންތައްތައް އޮޅުންފިލުވައި އެކުދިންނަކީ މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި މޮޅެތި ކުދިބަޔަކަށް ހެދުން، ރަނގަޅު އަދަބުތައް ދަސްކޮއްދީ، މީހުންގެ ތެރޭ އުޅެން ދަސްކޮއްދިނުން، ކަންތައްތައްތަކަށް އިސްނެގުމަށާއި، މީހުންނާއި މުޢާމަލާތު ކުރާނެ ގޮތް ދަސްކޮއްދިނުން، އަޅުގަނޑަށްވެސް ވަރަށް ގިނަ ޗިޓު ފޮނުވިއްޖެ ލައިބައަތަށް ދީފައި، މިފަހަރު ލައިބާގެ މަންމައަށް ގުޅުންކަންނޭގެ އެންމެ ރަނގަޅުވާނީ” އަޝްފާ ބުނެލިއެވެ.

“ބޭރު ކެބިންގަ އަޅުގަނޑުގެ އެސިސްޓެންޓު ޔޫހާ އިންނަވާނެ، އޭނަ ގާތު ބުނޭ ދަރިވަރުގެ ނަން، އޭރުން އޭނަ ބެލެނިވެރިޔާ އާއި ގުޅާދެއްވާނެ، އިތުރުކަމެއް އަޝްފާ ބޭނުންވެއްޖެނަމަވެސް ޔޫހާ ގާތު ބުނެލައްވާ، އަޅުގަނޑު އޭނަ ގާތު ބުނެލާނަން އަޝްފާގެ ވާހަކަ” ހެޑްމާސްޓަރު ގޮނޑިން ތެދުވަމުން ހިނިތުންވެލިއެވެ. އަދި އަޝްފާ އާއިއެކު ބޭރަށް ނުކުތީ ޔޫހާގެ ކެބިން އާއި ދިމާލަށް ދިއުމަށެވެ.

އަޝްފާގެ ކަންފަތުގައި ފޯނުގެ އަތްގަނޑު ޖައްސައިގެން އިންއިރު އޭނައަށް އަނެއްކޮޅުން ފޯނު ރިންގުވާއަޑުއިވެއެވެ. ދެފަހަރަކު ގުޅިފަހުން އަޒުރާ ފޯނުނެގިއެވެ.

“އައްސަލާމް ޢަލައިކުމް، ލައިބާގެ މަންމަ އަޒުރާ ތޯ” އަޝްފާ އަދަބުވެރިކަމާއިއެކު އަހާލިއެވެ.

“ހޫމް، ކިހިނެތްވީ، ތީ ކާކު؟” އަޒުރާ އަވަހަށް އެއީ ކާކުތޯ އެނގެން ބޭނުންވިއެވެ. އޭނަގެ ހިތަށް އެރީ ލައިބާ އެހެންމީހުން ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކަނީކަމަށެވެ.

“މީ ލައިބާގެ ކުލާސް ޓީޗަރު އަޝްފާ، ލައިބާ މަންމައަށް ގުޅާލަން ޖެހުނީ ލައިބާ އާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަން ހުރީމަ، ލައިބާގެ އަތަށް ދީފައި ވަރަށް ގިނަ ޗިޓުވެސް ގެއަށް ފޮނުވިން، ލައިބާ މަންމަ އާއި ބައްދަލުކޮއްލައިގެން މިވާހަކަ ދެއްކުންކަންނޭގެ އެންމެ ރަނގަޅުވާނީ…” އަޝްފާގެ ވާހަކަތައް އަޒުރާ މެދުކަނޑާލިއެވެ.

“ކޮން ޗިޓެއް، އަޅުގަނޑަކަށް އެއްވެސް ޗިޓެއް ނުލިބޭ، ލައިބާ މަޑުމަޑުން ހުއްޓަސް ވަރަށް ލާނެތްވާނެ، ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ، އަބަދުވެސް އުޅޭނީ މީހުންގެ ސަމާލުކަން ހޯދަން” އަޒުރާ ހަމަޖެހިލާފައި ވާހަކަދައްކަން މަސައްކަތްކުރިއެވެ.

“އެހެންތަ، އެކަމަކު…ދެން އެހެންވީރު ލައިބާ މަންމަ އާއި ބައްދަލުކޮއްލެވޭނެ ގޮތެއް ނުވާނެތޯ” އަޝްފާއަށް ހައިރާންކަން ލިބުނެއެވެ.

“ބައްދަލުކުރިޔަސް ފޯނުންދެއްކިއަސް ދައްކާނީ ހަމަ އެއްވާހަކައެއްނު، މައްސަލައެއްނެތޭ އަޝްފާ ފޯނުން ކިޔާދިނަސް” އަޒުރާ އަޝްފާ އާއި ބައްދަލުކުރާ ކަހަލަ ހިޔާލެއްނުކުރިއެވެ.

އަޝްފާއަށް އިތުރުގޮތެއް ނެތިގެން ލައިބާގެ ފަރާތުން އޭނައަށް ފާހަގަ ކުރެވެމުންދާ ކަންތައްތަކުގެ ވާހަކަތައް ކިޔާދޭން ފެށިއެވެ. އޭނަ ކަންބޮޑުވެފައިވާ މިންވަރަށްވުރެ އަނެއްކޮޅުން އެވާހަކަތައް އަޑުއަހަމުންދިޔަ އަޒުރާއަށް ވެރިވަމުންދިޔަ ހާސްކަން މާބޮޑެވެ. އޭނަގެ ހިތުތެރޭ ލައިބާއަށް އުފެދެމުން އައި ރުޅިވަރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. ދަތްކުނޑިވިކާލަ ވިކާލަ ހުރީ އަޝްފާ ފޯނު ބާއްވާނެ އިރަކަށެވެ.

“ލައިބާ މަންމައަށް ފާހަގައެއް ނުކުރެވޭތޯ ލައިބާއަށް އަންނަމުންދާ މިފަދަ ބަދަލުތަކެއް، މައްސަލައަކީ ލައިބާ ވާހަކަ ނުދައްކާތީ، ކިތަންމެ ވަރަކަށް ސުވާލުކުރިއަސް ޖަވާބެއް ނުލިބޭ، އަނެއްކާ ލައިބާ ބިރުގަންނަ ކަހަލަ ކަމަކާ ގޭތެރެއިން ދިމާވަނީތޯ، ނޫނީ ލައިބާލައްވާ ގަދަކަމުން ކަންތައްތައް ކުރުވަނީތޯ، އަޅުގަނޑަށް ފާހަގަ ކުރެވޭ އަދިވެސް ލައިބާ ވާހަކަދެއްކުމުގައި ކުޑަ އުނދަގޫ ކަމެއް ހުންނަކަން، ލައިބާ މަންމަލައިބާގެ ފިލާވަޅުތައް ބަލާލަންތޯ، ކުރިން ލައިބާ ވަރަށް މޮޅު، ފިލާވަޅުތަކަށް ވަރަށް ސަމާލުކަންދޭނެ، އެކަމަކު މިހާރު ހީވަނީ އޭނަ އިސްކޫލަށް އަންނަންވެސް ބޭނުންނުވާހެން، ލައިބާއަށް ކައުންސިލިންގ ދޭން ފެނޭ އަޅުގަނޑަށް، މިއިސްކޫލަށް ދުރުވި ރެޑްކުރޮސްގެ ބޭފުޅުންވެސް އެދިލެއްވި ލައިބާއަށް ކައުންސިލިންގ ދެނިކޮށް އޭނަގެ އުޅުމަށް ބަދަލު އައިސްދާނެކަމަށް، އޭރުން ކަންތައްތަކުގައި އިސްނަގަންކެރި އެހެން ކުދިންގޮތަށް އުޅެން ލައިބާއަށްވެސް ދަސްވާނެތީ…ކީކޭ ލައިބާގެ މަންމަ ބުނަނީ” އަޝްފާ ވަރަށް އުއްމީދާއިއެކު ބުނެލިއެވެ.

“ކައުންސިލިންނޭ، ކީއްކުރާ ކައުންސިލިންއެއް، އެއީ އޭނަ ނުލަފާކަމުން އުޅޭގޮތް، ގޭގަ އުޅޭ ވައްތަރެއް ކަލޭމެން ސްކޫލުގައި ތިބޭ މީހުންނަކަށް ނުފެންނާނެ، މަށަށްތާ އެނގޭނީ އޭނަގެ ގޮތްގަނޑު، މަވިއްޔަ މިހާދުވަސްވަންދެން މިބަލަނީ، އޭނަ ނޫނަސް މަގޭ ދަރިއެއް ތި އިސްކޫލުން ކިޔަވާ، ތިހާ ކަންތަކެއް ނުދައްކާ، މަށަށް އެނގޭ އޭނައަށް ހަދަންވީ ގޮތް، ތި ކައުންސިލިންނަކާ އެއްޗެހި ދޭންވެސް މަށަށް އެނގޭ،  ދެން އޭނަ ކަލޭމެންނަށް އުނދަގުލެއް ނުކުރާނެ…އެންމެ ރަނގަޅެއްނު” އަޒުރާގެ ރުޅިވެރިކަން އޭނަގެ އަޑުންވެސް އެނގޭހާވެއެވެ.

“ލައިބާ މަންމަ ނިކަން ރުޅިއިސްނުކޮށް މިކަންތައްތަކާއި ދޭތެރޭ ވިސްނާލަންވީނު، ލައިބާ މީހުންގެ ސަމާލުކަން ހޯދަން އުޅޭނީވެސް ކޮންމެވެސް ކަމެއްވެގެންތާ، އަނެއްކޮޅުން ނުވައަހަރުގެ ކުއްޖަކު ކުލާސްރޫމު ތެރެއަށް ހުރިހާ ކުދިންގެ ކުރިމަތީ ކުޑަކަމުނުދާނެ، ލަދުވެސް ގަންނާނެ އެއުމުރުގަ އެކަހަލަ ކަންތައްތައް ވީމަ” އަޝްފާ ދައްކާ ވާހަކަ އެއްގޮތަކަށްވެސް އަޒުރާ އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އޭނަ އެކިއެކި އެއްޗެހިކިޔަމުން އަވަސް އަވަހަށް ފޯނު ބާއްވައިފިއެވެ.

ފޯނުބޭއްވުމާއިއެކު އަޒުރާއަށް އޭނަގެ އަތުގެތެރޭއޮތް ފޯނުގައި ހިފާބާރުކޮއްލެވުނީ އައިއްސަހުރި ރުޅިއެއްގެ ގަދަކަމުންނެވެ.

“ކާކުތަ، ކިހިނެތްވީތަ ލައިބާ؟” ނަރީމާ އަހާލިއެވެ.

ނަރީމާއަކީ އަޒުރާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަނެއްއަވަށަށް ދާންޖެހޭ ސަބަބެވެ. ނަރީމާއަކީ ސޯޅަ އަހަރުގެ އަންހެން ކުއްޖެކެވެ. އޭނަގެ އުމުރުން ބާރަ އަހަރުންފެށިގެން އަޒުރާ އެގެއަށްދެއެވެ. އަޒުރާއެގެއަށް ވަންނަނީ އޭނަގެ ދޮންބައްޕަގެ ބުރަކަށީގައި ތެޔޮދަމައިދޭށެވެ. އެތެޔޮ ބައެއްރޭ ރޭ ނަރީމާއަށްވެސް ދަމަންޖެހެއެވެ. އެކަމަކު އެކަމާ ނަރީމާ ހުންނަނީ އުފަލުންނެވެ. އަޒުރާ ހިތްހަމަޖެހެނީ ކޮންމެދުވަހެއްގެ އެންމެ ތިންގަނޑިއިރުގެ މަސައްކަތައްދެހާސް ރުފިޔާ ލިބޭތީއެވެ. ނަރީމާގެ ދޮންބައްޕަ އާދަނަކީ ރަށުގެ ވިޔަފާރިވެރިއެކެވެ. ކެޔޮ ދަނޑަކާއިއެކު އިތުރު ދެދަނޑު ގެންގުޅޭ ދަނޑުވެރިއެއްވެސް މެއެވެ. އުމުރުން ފަސްދޮޅަހަށްވުރެ މައްޗަށް ދިޔައިރު އަދިވެސް އުޅެންވަނީ ވިހި ފަންސަވީހުގެ ޒުވާންކުދިންހެންނެވެ. މީހުންގެ އަނބިންނަށް ކަޅިއެޅުމާއި ޅަކުދިންގެ ހިތްތަކުން ޔާގައެއްލިބޭތޯ ހަދިޔާ ފޮނުވުމާއި މިކަހަލަ އެތައްކަމެއް ކުރުމަކީ އާދަނުގެ އާދައެކެވެ.

ނަރީމާގެ މަންމަ ނިޔާވި ހަބަރަކީ ރަށުތެރޭ އެއްއަޑަކަށް އެތަށް ދުވަހެއްވަންދެން ދެކެވުނު ވާހަކައެކެވެ. އެހެނީ ނަރީމާގެ މަންމަ ބަޝީރާ ފެނުނީ ފަންކާގައި ދަންޖެހި މަރުވެފައި ހުއްޓައެވެ. ބަޝީރާއަކީ ގޭދޮށު އަވަށްޓެރިންނާއި ގުޅޭ ވަރަށް ހެޔޮ މީހެކެވެ. ކުއްލިއަކަށް ދިމާވި އޭނަގެ އާދަޔާ ހިލާފު މަރުގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް ފޮރުވިފައި ވާނެކަމަށް ރަށުތެރޭ ވާހަކަދެކެވުނެވެ. އެހެންނަމަވެސް އަދިއަދަށްވެސް އެކަމުގެ ހަގީގަތެއް އެކަކަށްވެސް ނޭގެއެވެ. އެއްއަވަށުގެ މީހުން އަނެއްއަވަށުގެ ކަންތައްތަކާއި ބެހިއެއްނޫޅެއެވެ. އެހެންވެ އަޒުރާ އެގެއަށް އައިސްވަދެ ނުކުމެ ހެދިޔަސް އެކަމަށް ފަރުވާލެއްދޭ ބަޔަކު ނޫޅެއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ ދިރިއުޅުމައިގެން އުޅެވޭތޯ މަސައްކަތް ކުރަމުންދެއެވެ. އަނެއްކޮޅުން ގޭދޮށުއަވަށްޓެރިން ބަޝީރާއަށް ކުރާ ގަދަރު އާދަނުއަށްވެސް ކުރިއެވެ. އެހިސާބުގައި އާދަނުގެ ފިހާރަ ނޫނީ ލޭންދޭނަށް އެއްޗެހި ދޫކުރާ ފިހާރައެއް ނުހުރެއެވެ. އެގޮތުންވެސް މީހުންނަށް އޭނައަކި ހެޔޮލަފާ ސޯލިހު މީހެއްކަމުގައި ހީވެފައިވެއެވެ. ބަޝީރާގެ މަރަށްފަހުވެސް އޭނަ ނަރީމާ ބަލަނީ އޭނަގެ އަމިއްލަ ދަރިއެއްފަދައިންނޭ ދުލުކުރިން ނުބުނާ މީހަކު މަދެވެ. އެހެނީ އެމީހުންނަށް ދުވަހަކުވެސް ނަރީމާ ދެރަވެ ރޯއަޑެއް ނީވެއެވެ. ދެރަވެފައި ހުއްޓައެއްވެސް ނުފެނެއެވެ. މިހާދުވަސް ވީއިރުވެސް އާދަނު އެހެން މީހަކާ ނީންނަން ހުންނަނީ ކީއްވެތޯ ސުވާލުކޮއްފި ނަމަ އޭނަ ބުނާހާވެސް އެއްޗަކީ ނަރީމާއަށްޓަކައި އިތުރު ކަވައިވެންޏެއްކޮށް ދޮންމަންމައެއް ގެނަންބޭނުން ނުވަނީ ކަމުގައެވެ. އަދި ބަޝީރާގެ މަގާމެއް އެހެން މީހަކަށް ނުވެސް ދެވޭނެ ކަމެވެ. ހުރިހާ ކަމެއް މިހެން ހުރިއިރު ނަރީމާ ހުންނަނީ އަޒުރާ އާއި ހެދި މޮޔަވެފައެވެ.

އާދަނުމެންގޭ ކައިރި އަވަށްޓެރިންނަށް ހީވެފައި އޮންނަނީ އަޒުރާ އެވަރަކުން އެގެއަށް އައިސް އުޅެނީ ނަރީމާގެ ކަންތައްތައް ކޮއްދިނުމުގައެވެ. އެހެނީ ނަރީމާގެ އުމުރުން އެގާރަ އަހަރުގައި މަންމަ އާއި ވަކިވިފަހުން މައެއްގެ ސިފައިގައި އޭނަ ބަލައިގަނެފައިވަނީ އަޒުރާކަމަށް ވީތީއެވެ. އެކަކަށްވެސް ނޭގެނީ އެގޭތެރޭގައި ހިނގާ ކަންތައްތަކެވެ. އާދަނުގެ ކޮޓަރީގައި ތަޅުލައިގެން ތިބެ އެތަށް އިރެއްވަންދެން ތެޔޮދަމަނީ ކިހިނެތްކަމެވެ. އެއީވެސް އާދަނު ކުރީކޮޅު ނަރީމާއަށް އޭނަ އާއި އަޒުރާ އާއި ދެމެދު އޮންނަ ގުޅުން ސިއްރު ކުރަން ބުނަމުން ގެންދާ ދޮގެވެ. އުމުރުން ސޯޅަ އަހަރު ފުރި ސަތާރަ އަހަރަށް އަޅާފައިވާއިރު، މިހާރު ނަރީމާއަށްވެސް އާދަނުގެ ބުރަކަށީގައި ދަމަން ޖެހެނީ އާދައިގެ ތެލެއް ނޫންކަން އިނގެއެވެ. އަނެއްކޮޅުން އޭނަ އަޒުރާއަށް އެހާ ހިތްކިޔައިގެން އުޅެނީވެސް ސަބަބަކާއި ނުލައެއްނޫނެވެ. އަޒުރާ ނަރީމާގެ ކޮޓަރީގައި އުޅެފައި އާދަނުގެ ކޮޓަރިއަށް ދާކަމެއް އާދަނަކަށް ނޭގެއެވެ. އަނެއްކޮޅުން ނަރީމާއަށްވެސް މިހާރު އަޒުރާ އެއީ އާދަނު ގެންނަ މީހެއްކަންވެސް އެނގެއެވެ. އަޒުރާ އޭނަގެ ހިތްހަމަ ޖައްސާދެއެވެ. އަނެއްކޮޅުން ކޮންމެ ރެއަކު ދަމަންޖެހޭ ތެޔޮ ދަމަން އާދަނު ބޭނުންވަނީ ނަރީމާގެ އަތުންނެވެ.

“މިއަދު ހާދަ އަވަސް އަރުވާލާފަ ދާން ތިއުޅެނީ” ގަމީހުގެ އެތެރެއިން އަބަދުވެސް އާދަނު ލާއުޅޭ ކަހަލަ ގަންޖުފަރާސް ގަނޑެއް ލަމުން ކޮޓަރިން ނުކުތް އާދަނު ރާގުލާފައި އަހާލިއެވެ.

“އަޒުރައައްތަ ދަރިފުޅު ކޮންމެވެސް ކަމެއްވެގެން ދާން އެދަނީ” އަޒުރާގެ ގާތުގައި ހުރި ނަރީމާ ބުނެލިއެވެ.

“ނުގޮސްނުވެގެން މިދަނީ، އަންނާނަން މާދަން” އަޒުރާ ހިނިތުންވެލަމުން ނަރީމާގެ ކޮނޑުގައި ފިރުމާލަމުން ހިނގައިގަތެވެ.

އެހެން ދުވަސް ދުވަހު ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތުގައި ގެއާއި ހަމަޔަށް ދާ އަޒުރާ މިއަދު ދިޔައީ ހިނގާފައެވެ. އޭރު އޭނަގެ ސިކުނޑީގައި އެކިއެކި ހިޔާލުތައް އެނބުރެމުންދެއެވެ. ގެއަށް ގޮސް ލައިބާއަށް ހަނދާނެ ގޮތަކާއި ދޭތެރޭއެވެ. ދަތްކުނޑިވިކަމުން ދެފަޔަށް ލެވުނުހާބާރެއްލަމުން އަޒުރާ ބޮޑުމަގަށް ނުކުމެ ހުރިގޮތަށް ހިނގައިގަނެއްޖެއެވެ.

އުނދޯލީގައި ލައިބާ އޮށޯވެލައިގެން މައްޗަށް ބަލަންއޮތް އިރު އޭނަގެ ފުރަގަހުގައި ލުބާ އުނދޯލި ހެއްލަދޭން ހުއްޓެވެ. ލުބާ ދިޔައީ އެކި އެކި ވާހަކަދައްކަމުންނެވެ. އުޑުމައްޗަށް ވެރިވަމުންއަންނަ ރަތްވިލާތަކުން އެކިއެކި އެއްޗެހި ލައިބާއަށް ސިފަކޮއްދެއެވެ. ކޮންމެދުވަހަކުވެސް ގަދަ ފިޔާތޮށިކުލައިގެ އަސުރުމަލެއް ލައިބާއަށް ގެނެސްދެއެވެ. ކުއްލިއަކަށް އުނދޯލި ހުއްޓުމާއިއެކު ލައިބާ ލުބާއަށް ގޮވާލިއެވެ. ހަބަރެއްނުވުމުން ބޯހިއްލާލާފައި ފަހަތް ބަލާލިއެވެ. އޭރު ލުބާއެއްނެތެވެ. ހަމައެވަގުތު މައިދޮރުން ވަތް އަޒުރާގެ އަޑު ލައިބާގެ ކަންފަތުގައި ޖެހުނީ ހޮނުގުގުރިއެއް ހެންނެވެ. ވެގެން އުޅޭގޮތެއް ނޭގުނަސް ލައިބާއަށް ބިރުންތެޅިގަނެވުނެއެވެ.

“މިހިރަ ގޮތްކުޑަ ކުއްޖެއް މަށަށްލިބިފަ ހުރި، ހަމަ މިހާރު ތިއުނދޯލިން ފައިބާ” އަޒުރާ އަޑުހަރުކޮށް ބުނެލިއެވެ. އާދަވެގެން ޖޯޔަށް ނުކުމެ އިންނަ ހައްވަދައިތައަށް އެއަޑުއިވިގެން ތެދުވެގެން އައިއެވެ. އަޒުރާ އެކަމަށް ސަމާލުކަމެއް ނުދީ ލައިބާ އުނދޯލިން ފައިބަން ވާއިރަށް އަތުގެ ހިކަނދި މަސްގަނޑުގައި ހިފާ ދަމައިގަތްގަތީނުން އަނގަވަތަށް ބިންމައްޗަށް ވައްޓާލިއެވެ.

“މަގޭ ދަރި، އަޒުރާ…ކަލޭ މޮޔަވީތަ، ކުރާނެކަމެއް ނޭގިގެންތަ ތިއުޅެނީ، މިހާރު ދަރިންނަށް އަނިޔާވެސް ކުރަން ފެށީތަ…ހުއްޓާލާ ހުއްޓާލާ، އެއްގޮތަކަށްވެސް އެމަންޖެއަށް އަނިޔާކޮއްގެން ނުވާނެ، ތިކިޔާއެއްޗެއް އެމަންޖެގައިގަ އަތްނުލާ ކިޔިދާނެއެއްނު…” ހަބަރު ބަލަން އައި ހައްވަ ދައިތައަށްވެސް ހަޅޭލަވައިގަނެވިއްޖެއެވެ. ކަނޑިކި ހިއްލާލުމާއިއެކު ދުވަމުން ކަހަލަ ގޮތަކަށް އައިސް އަޒުރާމެންގޭ ތެރެއަށްވަދެ ވެއްޓިފައި އޮތް ލައިބާ ނެގިއެވެ.

“ކިޔާފަ ނުކިޔާނެ އެއްޗެއް ނޭގިގެން އޭނަ އެއުޅެނީ، މަގޭ ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކާފަ އެވަރުން ނުފިދިގެން އިސްކޫލުގެ ޓީޗަރުން ގާތުވެސް ފާޑު ފާޑުގެ ވާހަކަ ދައްކަނީއޭ، ލަދުން ބޯ ހަލާކުވާވަރުވޭ…ހިނގާ އެތެރެއަށް، ހައްވަ ދައިތަވެސް ރަނގަޅުވާނީ ދެން ގެއަށް ދިޔައްޔާ” އަޒުރާ އަނެއްކާވެސް ލައިބާގެ އަތުގައި ހިފާ ދަމަމުން ގޭތެރެއަށް ވަންނަން ދިޔައެވެ.

ހައްވަދައިތަ ކަންބޮޑުވުމާއިއެކު ދެފަރަތާތަށް ބޯހޫރުވާލާފައި ނުކުންނަން ހިނގައިގަތެވެ. އޭރު ލައިބާއަށް ރަނގަޅަށް ރޮވިއްޖެއެވެ. ގަދަކަމުން ދަމަމުން ލައިބާ ގެންދިޔައިރު ބަބުކެޔޮ ގަސްފަހަތުގައި ލުބާ ފިލާ ހުރިތަން ލައިބާއަށް ފެނުނެވެ. އެއްވެސް އިޙްތިޔާރަކާއި ނުލާ ލައިބާއަށް އެދިމާލަށް އަތްދިއްކޮއްލެވުނެވެ. އެއާއެކު ބަނބުކެޔޮ ގަހުން ވެއްޓުނު ބޮޑު ދެބަނބުކެޔޮ އައިގޮތަށް އައިސް ޖެހުނީ އަޒުރާގެ ކޮނޑުގައެވެ. ވީތަދުން އަޒުރާއަށް ކުއްލިއަކަށް ލައިބާގެ އަތުން ދޫކޮއްލެވުނެވެ. އެވަގުތު ލައިބާ ލުބާ ހުރި ދިމާލަށް ބަލާލިއެވެ. ލުބާގެ މޫނު މަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެއެވެ.

“މިވެސް ކަލޭގެ ކަންތައް، ތަދުވެސް ވެއްޖެޔޭ…އަދި އެބަ ބަލައެއްނު މަށާދިމާލަށް ވައްތަރަކަށް، ހިތުން މަށަށް ބޮނޑިއެއް ލިބުނީމަ ތިހުންނަނީ ވަރަށް އުފަލުންދޯ، ހުރެބަލަ، ކަލެއަށް ހަދާނެގޮތް މަށަށް އެނގެއޭ…” އަޒުރާ ގެއަށްވަދެ ދޮރުތައް ލެއްޕިއެވެ. އަދި ބަދިގެއަށް ނުކުންނަން އިން ފަޅީގެ ދޮރުވެސްލެއްޕިއެވެ. އެވަގުތު ދޮރު ބިއްދޮށުގައި އިން އިލޮށިފަތި ފެނުނެވެ. އަވަސް އަވަހަށް އިލޮށިފަތި އަތަށް ހެޔޮވަރުކޮއްލަމުން އެއައިގޮތަށް އައިސް ލައިބާގެ ގައިގާ ބޮނޑިއެއް އަޅައިފިއެވެ.

އިރުއޮއްސުނު ވަގުތަށް ގެއަށް އައިސް ވަތް ޔަޒާން ދިޔައީ ސިއްސައިގެންނެވެ. އަޒުރާ ހުއްޓާލުމެއްނެތި ލައިބާގެ ގައިގާ އިލޮށިފަތިން ތަޅަމުންދިޔައެވެ. އޭނަވެސް އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލެއްޕީއެވެ.

“މަންމާ…ލައި ކީއްކޮއްގެން ތިހާވަރަކަށް ތި އަނިޔާކުރަނީ” ޔަޒާންވެސް އަޑަށް ބާރުލާފައި ބުނެލިއެވެ.

“އޭނަ ކުރެން އަހާބަލަ އޭނަ ކީއްތޯ ނުކުރަނީ، އަހަރެން މުޅި ރަށުގަ ފަލީހަތްކުރަން މި ސުންޕާ މިއުޅެނީ” އަޒުރާގެ ނޭވާވެސް ހުރީ ކުރުވާގޮތްވެފައެވެ.

ތަޅުންގަނޑުމަތީ ކުރުގެޅިލައިގެން ލައިބާ އޮތްއިރު އޭނަގެ ގައިގަ އެތަށް މިތަނުންވަނީ ފިތްނެގުމުގެ އިތުރުން އިލޮށިކޮޅުތައް ވަދެފައެވެ. އޭނަގެ ރުއިމާ ގިސްލުމުގެ އަޑު މުޅި ގޭގައި ހަރުލާފައި ހުއްޓެވެ. އަޒުރާ އިލޮށިފަތި ލައިބާ އާއި ދިމާލަށް އެއްލާލަމުން އުނގަނޑުގައި އަތްވިއްދާލިއެވެ. އޭނަވެސް ލައިބާ ގައިގަ ތަޅަތަޅާ ވަރުބަލިވީއެވެ. އިރުކޮޅަކު ލައިބާއަށް ބަލަން ހުރެފައި އަޒުރާ އޭނަގެ އަތުން ލައިބާގެ ހެނދުމުގައި ހިފައި ދަމައިގަތެވެ.

“މަންމާ، ޕްލީޒް…އަޅެ މަންމާ އެއްފަހަރެއް ކަމަށް ލައިއަށް މާފުކޮއްބަލަ، ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަމޭ، މަންމާ ޕްލީޒް، ލައި އާދޭސްކޮއްފައޭ މިބުނަނީ، ޕްލީޒް، މަންމާ…ނޫން…ނޫން…މަންމާ، ލައިގެ ހެދުން އިރާނުލާ، މަންމާ ލައިއަތުގަ ނެތޭ ހެނދުމެއް، ޕްލީޒް މަންމާ ލައިއަށް މާފުކޮއްބަލަ، ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަމޭ، ބަސްއަހާނަމޭ، މަންމަ ބުނިކަމެއް ކޮއްދޭނަން ލައި، ޕްލީޒް މަންމާ، ހާދަ ތަދުވެޔޭ ލައިއަށް، އެހެން ނަހަދަބަލަ” ރޮމުން ރޮމުން ލައިބާއަށް ރަނގަޅަށް ވާހަކަ ނުދެއްކުނެއްކަމަކު އަޒުރާގެ ކައިރީ އާދޭސް ކުރިއެވެ.

އަޒުރާ ލައިބާ ދައްކާ ވާހަކައެއް އަޑުއެހުމެއްނެތި ލައިބާގެ ހެދުން އިރާލަން އުޅުނެވެ. އެވަގުތު ޔަޒާން ލައިބާ އާއި އަޒުރާ އާއި ދޭތެރެއަށްވަނެވެ. އޭނަ އަޒުރާގެ ގައިގާ އޮޅުލައިގަތެވެ.

“ދެން ހެޔޮ މަންމާ، އޭނަ އެބުނަނީނު މިހާރު އޭނައަށް ވިސްނިއްޖެޔޭ…ދެން ހިނގާ ކޮޓަރިއަށް” ޔަޒާން އަޒުރާގެ ގައިގާ އޮޅުލައިގަނެގެން ހުރެ ބުންޏެވެ.

ފުންނޭވާތަކެއް ވަރުބަލި ކަމާއި ރުޅިވެރިކަމާއިއެކު ބޭރުކުރަމުން ދިޔަ އަޒުރާ މައިތިރިވިއެވެ. އަދި ޔަޒާންއަށް ބަލާލިއެވެ. އޭނަ ޔަޒާން ދުރުކޮއްލުމަށްފަހު އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ކޮޓަރިއާއި ހަމައަށް ދިޔައިރުވެސް ޔަޒާން ހުރީ ހަދާނެގޮތެއް ނޭގިފައެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު އަޒުރާއަށް ބަލާލެވެއެވެ. އެތަނުން އެހީވާންވީ ކާކަށްކަމެއް ނޭގުނެވެ.

“އަދިވެސް ކަލޭ ތިތާ ހުންނަނީތަ” އަޒުރާ އޭނަގެ ކޮޓަރި ދޮރުމަތީ ހުއްޓެއްމުން ޔަޒާންއަށް ބަލާލިއެވެ.

އަޒުރާގެ އަޑަށް ސިހިފައި ޔަޒާން އެދިމާލަށް ދިއުމަށް އަވަސްވެގަތެވެ. އޭރުވެސް ލައިބާގެ އަޑު ކަނޑައިގެން ނުދެއެވެ. ރޮއެ ރޮއެފައި ގައިގެ އެތަން މިތަނުގައި ފިރުމަނީއެވެ. އެހެނީ އެތަންތަނަށް ވާތަދުންނާއި ނަގާ ދިލައިންނެވެ. އަނެއްކޮޅުން ހިތްދަތިވެގެންގޮހެވެ. ކެތްކުރުން ނޫން ގޮތެއް މިއަދު އޭނައަކަށް ނެތްކަން އެނގުނެއެވެ. ޝަކުވާ ކުރުމުން ލިބޭނީ އިތުރު ވޭންތަކެކެވެ. ހަށިގަނޑުގައި ލާނީ އިތުރު ލަކުނުތަކެކެވެ. އެކަމަކު އެކަކަށްވެސް ނުފެންނަ ފާރުގަނޑެއް އެހިތުގައި އުފެދެމުން އެބަދެއެވެ. ދުވަހެއްގެ ކޮޅުންވެސް އެފާރުގަނޑު ހިކިއްޖެނަމަ ޔަގީނުންވެސް ނުފިލާނެ ވަރުގެ ލަކުނަކަށް އެވެގެންދާނެއެވެ.

ޔަޒާން އަޒުރާގެ ކޮޓަރިން ނުކުތްއިރު ފެންޑާގައި ލައިބާ ފެންނާކަށް ނެތެވެ. އޭނަ އަވަސް އަވަހަށް އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު ލައިބާ އޭނަގެ އެނދުގައި އޮށޯވެލައިގެން ބިއްދޮށަށް އެނބުރިއޮތެވެ. ލައިބާ ނުނިދާ ހޭލާ އޮތްކަމެއް ޔަޒާންއަކަށް ނޭގެއެވެ. ޔަޒާން މަޑުމަޑުން ކޮޓަރި ދޮރު ލައްޕާލުމަށްފަހު އެތެރެއަށް ވަދެގެން އައިސް އޭނަގެ އެނދުގައި ލައިބާއަށް ބަލަމުން އިށީނެވެ. އޭނަ ލައިބާ ގާތު ކިހިނެތްތޯ އަހާލަން ބޭނުންވެއެވެ. އެކަމަކު ލައިބާ އޭނަ އާއި ވާހަކައެއް ނުދައްކާނެކަން ޔަގީންވެއެވެ. އޭނަ އަޒުރާ ކުރިކަންތައް ކުއްވެރިކުރެއެވެ. އެކަމަކު އެކަމާއި ގުޅިގެން އޭނައަށް ބުނެވޭނެ އެއްޗެއް ނެތެވެ. އަދިވެސް އޭނަ އާއި ލައިބާ ވަނީ އަޒުރާގެ ބެލުމުގެ ދަށުގައެވެ.

ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ސަބަބުން ލައިބާ ހީކުރީ ޔަޒާން ނިދީކަމަށެވެ. އޭނަ މަޑުމަޑުން އެނދުގެ މަގަތަށް އެނބުރިލިއެވެ. އޭރުވެސް އޭނަ އާއި ދިމާލަށް ޔަޒާން ބަލަން އިންތަން ފެނުނެވެ.

“ވަރަށް ތަދުވޭ ދޯ، ދައްކަބަލަ ދޮންބެ ބަލާލަން، އަދި ނުވެސް ކައެއްނު މިރޭ ތިއޮތީ، ހިނގާ ކާން ދާން” ޔަޒާންއަށް ލައިބާ ހޭލާއޮތްކަން އެނގުމާއިއެކު ބުނެލިއެވެ. އޭނަގެ އަޑުގައި ފަހަކަށް އައިސް ނުހުންނަ މަޑުމައިތިރިކަމެއް އެކުލެވިފައިވިއެވެ.

“ލައި އެކަކުގެ އެހީއެއްވެސް ބޭނުމެއްނޫން……ކާކަށްވެސް ބޭނުމެއްނޫން، ނުދާނަން” ރޮއެ ރޮއެ ރަތްވެ ދުޅަވެފައިވާ ލޮލުން ލޯއަޅާލަމުން އަދި ބޮޑަށް ލައިބާ ތުންފިއްތާލިއެވެ.

“ދައްކަބަލަ، ތިހިރީ ގަޔަށް އިލޮށި ކޮޅުތައް ވަދެފައެއްނު، ދެންވެސް ބުނީމަ ބުނާގޮތް ހަދާބަލަ، ލައި ގާތު ބުނިންދޯ މަންމަ ކައިރީ އެއްވެސް ވާހަކައެއް ނުދައްކައްޗޭ……” ޔަޒާން އަދިވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއި އެކުއެވެ.

“މަންމަ ގަނޑުވެސް އުޅެނީ ގޯސްކޮށް، މިގޭގަ އުޅެނީވެސް ހުސް ގޯސް މީހުން……” ލައިބާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އޭރު ޔަޒާން ލައިބާގެ ގާތުގައި އީށީނދެއްޖެއެވެ. އަދި މަޑުމަޑުން ލައިބާގެ އަތާ ތަންތަނަށް ހެރިފައި ހުރި އިލޮށިކޮޅުތައް ނައްޓަދޭން ފެށިއެވެ.

“އަހަރެން ލައިބާ ގާތު މިބުނަނީ އެއީ ގޯސް ކަމެއް ނޫނޭ، އެހެންނޫނަސް ލައިގެ ދެން ކޮންބައެއް ތިބީ، އެއީ ލައިގެ މަންމައެއްނު، މީ ލައިގެ ދޮންބެއެއްނު…….ލައިބާއަށްވުރެ ބޮޑެތި މީހުން ބުނާގޮތް ހަދަންވާނެއެއްނު……..މަންމަވެސް ރުޅިއެއްނައިސް ދޯ ލައިބާ އެވާހަކަ ނުދައްކާނަމަ، އަނެއްކާ އިސްކޫލުގަ އެވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ، ލައިބާއަށް ކާންދީ ހަދަނީ ހަމަ އެމަންމައެއްނު، ކުރިންވެސް އަހަރެން ބުނިން ލައިބާ އެކަހަލަ ވާހަކަދެއްކިއަސް މަންމަ ގަބޫލެއްނުކުރާނެއޭ، ބައިވަރު މީހުންނަށް އެވާހަކަތައް އަޑުއިވުނީމަ ވާނީ ކިހިނެތްކަން އެނގޭތަ، އޭރުން ލައިބާ ޖެހޭނީ ޖަލަށްދާން، އެތަނުގަ އަދި މާގޯސް ކުދިން އުޅޭނެ، ލާނެ ހެދުމެއްނުލިބޭނެ، ކާކަށްނުދޭނެ، އަބަދު އެކަންތައްތައް ކުރަން ޖެހޭނީ……އެއަށްވުރެ މިގޭގަ އުޅުން މާރަނގަޅެއްނު، އަޅެ ލައިބޭނުންތަ ޖަލަށްދާން” ޔަޒާން އެކިއެކި ވާހަކަތަކުން ލައިބާ ރުއްސަމުން ދިޔައެވެ.

ލައިބާ ބޯހޫރުވާލީ އޭނަ ޖަލަށްދާން ބޭނުންނުވާ ވާހަކަ ބުނުމަށެވެ. އަދި މަޑުމަޑުން ޔަޒާން އޭނައަށް އެހީވަންދެން އޮތެވެ. ބައެއްފަހަރަށް ޔަޒާންގެ ފަރާތުން ލައިބާއަށް ކެތްނުކުރެވޭހާ ވޭން ލިބުނަސް ޔަޒާންގެ ރަނގަޅުގޮތެއް ހުރެއެވެ. އެކަމަކު އެއީވެސް ހައްލެއްނޫނެވެ. ޔަޒާން ބޭނުންނުވަނީ އެހެން މީހުން ލައިބާއަށް އަނިޔާކުރާށެވެ. އެއަށްވުރެ އޭނަ ލައިބާ ބޭނުންވެއެވެ. އޭނަ އަމިއްލައަށެވެ.

ދުވަސްތައް މާޒީވެ ހަޔާތުގެ ސޮފުހާތަށް އޮޅެމުންދިޔައެވެ. ލައިބާއަށް ބާރަ އަހަރު ފުރުންއިރު އޭނަ މިހާރު މަސައްކަތް ކުރަނީ އަޒުރާ އާއި ޔަޒާން ހިތްއުފާވާހާ ގޮތަކަށް އުޅެވޭތޯއެވެ. ނޫނީ އަމިއްލަ ހަށިގަނޑަށް ލިބޭ ވޭން މާބޮޑެވެ. ހިތަށްލިބޭ ނުތަނަވަސް ކަމާއި ލޮލަށް ޖަމާވާ ކަރުނަ ހިއްސާކުރަނީ އޭނަގެ ހުރިހާ އަޑެއްއަހަމުން އަންނަ ލުބާ އާއެވެ. ލުބާ އޭނަގެ ހިތްއުފާކޮއްދެއެވެ. ކުދިކުދި ކަންތައްތަކުންނެވެ. ބައެއް ދުވަސްދުވަހު އަތިރިމައްޗަށް ހިނގާލަން ގެންދެއެވެ. މީރުވަސްދުވާ ރީތިހާ މާމެލާމެލި އޭނައަށް ގެނެސްދެއެވެ. ލައިބާގެ ހަށިގަނޑުގައި ބޭރަށް ފެންނަން ހުންނަ ޒަހަމްތަކުގައި ބޭސްއަޅައިދެއެވެ. ލައިބާއަށް އަބަދު ކުޑަކަމުދެވުމާއި ބޮޑުކަމުދެވުމުގައި ދިމާވާ މައްސަލަތައް ހައްލުކޮއްދިނެވެ. އެހެންނަމަވެސް ލައިބާދެރަވާ އޮންނަނީ އެންމެ ކަމެކެވެ. އެއީ ލުބާ އެގޭތެރެއަށް ވަންނަން ފަސްޖެހޭތީއެވެ. ކީއްވެކަމެއްނުބުނެއެވެ. ބައެއްފަހަރު ގޭތެރޭގައި ހިނގާ އާދަޔާ ހިލާފު ހާދިސާތައް ގުޅިފައިވަނީ ލުބާ އާއިކަމަށް ލައިބާއަށް ހީވެއެވެ. އެކަމަކު އޭނައަށް އެކަން ގަބޫލެއްނުކުރެވެއެވެ.

ލައިބާގެ އިސްކޫލް ދައުރުވެސް ނިމުނީއެވެ. ހަގީގަތަށް ބުނަންޏާ ނިމުނީކީ ނޫނެވެ. އަޒުރާއަށް ސްކޫލުގެ ފަރާތުން އަންނަ ޕްރެޝަރގެ ބޮޑުކަމުން ލައިބާ އިސްކޫލުން ވަކިކުރީއެވެ. ޝިޔާޒު ލައްވާ ސިޓީއެއް ލިޔެގެން އިސްކޫލަށް ސިޓީލީ، ލައިބާ އަތޮޅުގެ ވެރިރަށުގައި ހުންނަ ސްކޫލަށް ވެއްދުމަށް ބުނަމުންނެވެ. ލައިބާ ގާތުވެސް އަޒުރާ ބުނީ އެހެންނެވެ. އެކަމަކު އެދުވަހެއް ދުވަހަކު ނައެވެ. މިހާރު ލައިބާއަށް އަޒުރާ އެހެން ހެދީ ކީއްވެކަން އެނގެއެވެ.

ލައިބާގެ އުމުރުން ބާރަ އަހަރު ވީއިރު އޭނަގެ އިސްކޮޅަށާއި ރޫފައަށްވެސް ބަދަލުއައެވެ. ކުރިއަށްވުރެ އިސްކޮޅުން ދިގުކަމުގައިވިޔަސް އަދިވެސް އޭނަ ހުންނަނީ ޔަޒާންއަށްވުރެ ކުރުކޮށެވެ. ހަށިގަނޑުގެ ވަނާތަކުގެ ފާޅުކަން ބޮޑުވުމުގެ ސަބަބުން އޭނަ ބޭރަށް ނުކުމެ ހަދަން ލަދުގަނެވެ. އެހެނީ ޒުވާން ފިރިހެން ކުދިންގެ ތޫނު ބެލުންތައް އޭނައަށް އަމާޒުވެގެން ދާތިއެވެ. ލާފައި ހުންނަ ހެނދުން ކިތަންމެ ދޫކޮއް ހުއްޓަސް، ހެނދުން ހުންނަނީ ދެމޭފޮތީގައި ފަހާފައި ކަމަށްވާތީ ފެންނަފެނުމަށް އެހުންނަނީ ހަށިގަނޑުގެ ބައްޓަމަށެވެ. ލައިބާގެ މުށިކުލައިގެ އިސްތަށިގަނޑުވެސް އައްސާ ގަތާ ހެދޭވަރަށް ދިގުވެއްޖެއެވެ. ހަށިގަނޑުގައި އެތަންމިތަނުގައި ލަކުނު ލާފައިވިއެއްކަމަކު އެމޫނުއަދިވެސް ވަނީ މައުސޫމްކަމުން ފުރިފައެވެ. ކުރަކިވެފައިވިއެއްކަމަކު އަދިވެސް އެތުންފަތުގެ ރީތިކަމާއި އެރީތި ހިތްގައިމު ހިނިތުންވުން މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭހަވެއެވެ. އަޅިކުލައިގެ ކަޅިއެއް ލިބިފައިވާ އެރީތި ބޮޑު ދެލޮލުގެ ވިދުމުން މީހުންގެ ލޯތަށް ތަރަތަރަ ޖަހައިގެން ދާހާވެއެވެ. އެހެންނަމަވެސް އެމާވަނީ ފަރިނުވަނިސް ބިނދެލާފައެވެ. އެއްވެސް ރަޙުމެއްނެތް ގޮތަކަށެވެ.

ޔަޒާންވެސް ލައިބާއެކޭ އެއްގޮތަށް އިސްކޫލަކަށް ނުދެއެވެ. އެކަމަކު އޭނަ އިސްކޫލުން ވަކިކުރީ ގްރޭޑް ހަތެއްގައި ދެއަހަރު ބެހެއްޓުމުންވެސް ފާސްނުވެގެންނެވެ. ޔަޒާންގެ ގިނަވަގުތު އޭނަ ހޭދަކުރަނީ ގޭތެރޭގައެވެ. ގޭގެ ގޯތިތެރޭން ބޭރަށް ނުކުންނަން އޭނަ މިހާރު ޖެހިލުންވަނީއެވެ. ޔަޒާންގެ ހިތްބިރުގަންނަގޮތްވަނީއެވެ. އަނެއްކޮޅުން އޭނައަށް އެއްބާރުލުން ލިބެމުންދިޔަ ދެއެކުވެރިންވެސް ރަށުގައި ނެތުމުންނެވެ. ނަޒްމީ އާއި ފައިޒަން އަތޮޅުގެ ވެރިރަށަށް ބަދަލުވީ، އަތޮޅުތެރޭގައި ހުރި ހަމައެކަނި ޖީސީ އާއި ހަމައަށް ކިޔަވައިދޭ އިސްކޫލު ހުރީ އެރަށުގައި ކަމަށްވީތީއެވެ. އެމީހުން އެނބުރި ރަށަށް އަންނަނީ ލިބޭ ޗުއްޓީއެއްގައެވެ. އަންނަފަހަރު ޔަޒާން އާއިއެކު މަޖާކުރުމުގައި އުޅެއެވެ. ބޮޑުވަމުން އައިވަރަކަށް ގެއާދުރުގައި ތިބެ ރަށުއަންހެން ކުދިންނާ ފޮށެ ހަދައެވެ. ކޮންމެ ފަހަރަކު އެނބުރި ދަނީ އެނޫންގޮތެއް ނެތިގެންނެވެ. ރަޒިއްޔާފަދަ މަންމައަކު ބުނާގޮތް ނުހަދާ އުޅެން އެކުދިންނަށް ނުކެރެނީއެވެ. އަދިވެސް އެމީހުންގެ ކަންތައްތައް އޮންނަނީ ސިއްރެއްގެ ގޮތުގައެވެ. މިއަހަރަކީ އެމީހުންގެ ފަހު އަހަރަށްވުމާއިއެކު ޔަޒާން އިންތިޒާރު ކުރަމުންދިޔައީ ފައިޒަން އާއި ނަޒްމީ އެނބުރި ރަށަށް އަންނާނެ ދުވަހަކަށެވެ.

ޔަޒާންއަށްވެސް ސޯޅައަހަރު ފުރުނުއިރު ރަށުގައި އުޅޭ ރީތި އަންހެން ކުދިންގެ މެދުގައި އޭނަގެ ނަންވެސް ކިޔެންފަށައިފިއެވެ. ދިގުއިސްކޮޅަކާއި ނިތްކުރިމައްޗަށް ވެރިފައި އޮންނަ ބޯކަޅު ފަންއިސްތަށިކަނޑާއި ދަތްދޮޅީގައި އިންނަ އަޑިކޮޅުން އަންހެން ކުދިންގެ ހިތްތަކަށް ހަންޖަރުގެ ހަމަލާ އަރަންފަށައިފިއެވެ. އެއްފަހަރާ ތިން ހަތަރު ކުދިންނާއި ރައްޓެހިވެގެން އުޅެއެވެ. އަޒުރާ ގޭގައި ނޫޅޭ ވަގުތުތައް ބަލާފައި އެކުދިން ގެއަށް ގެނެއެވެ. ލައިބާއަށް އެއްވެސް ފަރުވާލެއްނެތިއެވެ. އެހެންނަމަވެސް ކޮންމެރެއަކުވެސް ލައިބާއަށް ޔަޒާންގެ ހިތްއުފާކޮއްދޭން މަޖުބޫރުކުރުވައެވެ. ޔަޒާންއަށް ލައިބާ އާއިއެކު ހިންގާފަދަ ގުޅުމެއް އެހެން އަންހެން ކުއްޖަކާއިއެކު ހިންގަން ޖެހިލުންވެއެވެ. އެހެނީ އަޒުރާއަށް އެނގިއްޖެނަމަ ކަންތައްތައް ވަރަށް ގޯސްވާނެތީއެވެ. އަޒުރާ އޭނައަށް ރުފިޔާވެސް މިހާރު ދެއެވެ. މޯބައިލް ފޯނެއްވެސް ހޯދަދީފިއެވެ. އެއީ އޭނަ އަޒުރާގެ ހިތްހަމަޖައްސާ ދިނުމުގެ އަގެއެވެ.

ޔަޒާން އާއި އަޒުރާ އާއި އޮންނަ ގުޅުންވެސް ލައިބާއަށް ފަޅާއެރިތާ އަހަރުވެއްޖެއެވެ. ލައިބާ ވަކިންބޮޑަށް އަޒުރާދެކެ ފޫހިވިއެވެ. އަޒުރާއަށް މަންމަކިއުންވެސް އޭނަ މިހާރުވަނީ ހުއްޓާލާފައެވެ. އޭނަ ބަލަނީ ގިނަފަހަރަށް ޔަޒާން އާއި އަޒުރާ އާއި ދެމީހުންނާ އަނގައިން ނުބުނެ އުޅެވޭތޯއެވެ. މިހާރު ގޭގައި އަޒުރާއަށް ކެއްކޭ ކަމަކަށްވެސް ނުވެއެވެ. ގޭތެރެ ސާފުކޮށް ކައްކާ އެއްޗެހި ދޮވެވެސް ހަދަނީ ލައިބާއެވެ. އެކަންތައް ކުރުމުން އޭނައަށް އެގެއިން ކާއެތިކޮޅާއި އަންނައުނު ލިބެއެވެ. މިހާރުވެސް އޭނަ ދޮވެދޮވެގެން ލަނީ އެންމެ ފަސް ހެދުމެވެ. ނަސީބަކުން ބާސިފަ ހެދުންތަކުގައި ނުޖަހަނީ ދެމޭފޮތިން ފަހާފައި ހުންނާތީއެވެ. އަޒުރާއަށް ލައިބާ ރީތިވެލައިގެން ހުރިތަން ފެނިއްޖެނަމަ ވަރަށް ކަންބޮޑުވާނެއެވެ. އެދުވަހު ލައިބާ ބޭރަށް ބޯދިއްކޮއްލައިގެންވެސް ނުވާނެއެވެ. ދުވަސް ވާވަރަކަށް ރީތިވާނީ އުމުރުން ޅަކުއްޖާއެއްނޫންހެއްޔެވެ. ދުވަސްވެ އުމުރުން މައްޗަށް ދިޔައީމަ އަދިވެސް ޒުވާންވާނެހެއްޔެވެ. އަޒުރާ ކަންބޮޑުވަނީ އެހެންވެއެވެ. ލައިބާގެ ރީތިކަން މީހުންނަށް ފެނި އޭނަ އާއި ލައިބާ އަޅާކިޔާކަށް އޭނަ ބޭނުމެއްނޫނެވެ. އެއީ އޭނަގެ ދަރިއަކަށް ވިއެއް ކަމަކުވެސްއެވެ.

ޔަޒާން ފައިޒަން އާއި ނަޒްމީ ރަށުގައި ހުއްޓަސް ހަވީރު ގަޑީ ބޭރަކަށްނުދެއެވެ. އެމީހުން އެކުރާ ކަމެއް ކުރަނީ ޔަޒާންމެން ގޭގައެވެ. އެހެން އެކަންތައް ބަދަލުވީވެސް ސަބަބަކާއި ނުލައެއްނޫނެވެ. އެގޮތުން ޔަޒާން އާއި އޭނަގެ ރަޙުމަތްތެރިން ހަވީރު ފިނިޖެހިލުމާއިއެކު ވަލުތެރެއަށް އެމީހުން ދާތަނަށް ދިޔަ ދުވަހެކެވެ. އެމީހުންގެ މަސައްކަތުގައި ލޭހޫނުވެފައިވަނިކޮށް ކުއްލިއަކަށް ޔަޒާންގެ ބުރަކަށީގައި ހީވީ ތޫނު ވަކިތަކަކުން އަޅުވާލިހެންނެވެ. ޔަޒާންއަށް އައްދޯޔޭ ކިޔާ ނަޒްމީގެ ކުރިމަތީ އިނދެފައި ތެދުވެވުނެވެ. އަދި ވަށައިގެން ހޯދާލިއިރު އޭނަގެ އެއްފަރާތުގައި ފައިޒަން އާއި ކުރިމަތީހުރި ގަހުގައި ލެނގިލައިގެން ހުރި ނަޒްމީ އާއި ވަށައިގެންވި ބޮޑެތި ގަސްތައް ފިޔަވައި އިތުރު އެއްވެސް ހިލަމެއްނުވިއެވެ. ކަންބޮޑުވެ ސިހުނެއްކަމަކު ނަޒްމީ އެދުނީ އެނބުރި މަސައްކަތައް ދިއުމަށެވެ. ދެވަނަ ފަހަރަށްވެސް ޔަޒާން އެންމެ ފޯރިހިފި ގަޑީގަ ހީވީ މީހަކު އޭނަގެ ބުރަކަށީގެ ހަންގަނޑު އިރާލިހެންނެވެ. ކުރިއަށްވުރެ ބާރަށް ހަޅޭލަވައިގަންނަމުން އޭނަ ތެދުވިއެވެ. އޭރު ކައިރީގައި ހުރި ފައިޒަންގެ ދެލޯވަނީ ބޮޑުވެފައެވެ. ނަޒްމީވެސް އަވަސް އަވަހަށް ފަޓުލޫނާއި ގަމީސް ރަނގަޅުކޮއްލަމުން ފައިޒަންއަށް ލޮލުގެ އިޝާރާތުން ކިހިނެތްތޯ ވީ އަހާލިއެވެ. އޭރު ޔަޒާން އޭނަގެ ބުރަކަށީގައި އަތްލާން މަސައްކަތްކުރިއެވެ. ނަގާދިލައިން އޭނައަށް އެހެންއެއްވެސް ކަމަކާ ވިސްނޭވަރެއް ނުވިއެވެ.

“އޭ ޒާން، ލޭ އާދޭ އެބަ، ކިހިނެތްތަ ވީ” ޔަޒާންއަށް ބަލަހައްޓައިގެން ހުރި ފައިޒަން ބުނެލިއެވެ.

“އެއީ ތެދެއް، އެކަމަކު ކޮންލެޔެއްތަ، ކީއްވެތަ ލޭ އަންނަންވީ” ނަޒްމީވެސް ޔަޒާންގެ ބުރަކައްޓާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“އައްދޯއި، ހާދަ ތަދެއް އެބަވެޔޭ، ދިލަވެސް އެބަ ނަގާ……..” ޔަޒާން ދެކަކުލުގައި އަތްއަޅުވާލަމުން ގުދުވެއޮވެ ބުނަމުންދިޔައެވެ.

“ހިނގާބަލަ ގޭދޮށަށް ދެވޭތޯ އުޅެމާ، ތިވަރުން ޒާންއަށް ހިނގޭނެތަ……..އެހީއެއް ބޭނުންތަ” ފައިޒަން އަވަސްވީ ވަލުތެރެއިން ނުކުމެ ގެއަށް ދިއުމަށެވެ.

ޔަޒާން ބޯޖަހާލުމާއިއެކުވެސް ފައިޒަން އާއި ނަޒްމީ އޭނައަށް އެހީތެރިވިއެވެ. އެކުދިން ވަލަށް އާމުކޮށް ވަންނަދިމާލުން ނުކުންނަން ދިޔައެވެ. އެކަމަކު ނުކުމެވޭގޮތެއްނުވިއެވެ. ކޮންމެ ފަހަރަކުވެސް މަގު އޮޅެނީއެވެ. މިވަނީ ކިހިނެތްކަމެއް އެއްގޮތަކަށްވެސް އެމީހުންނަކަށް ނޭގުނެވެ. މީގެ ކުރިން ދުވަހަކުވެސް އެމީހުންނަށް މަގުއޮޅިފައެއް ނުވެއެވެ. ހަމައެއްދިމާލެއްގައި ތިން ހަތަރު ބުރުޖެހުނު އިރުވެސް ނުކުމެވޭ ގޮތެއްނުވިއެވެ. ކޮންމެ ދިމާލަކަށް ހިނގައިގަތަސް އެނބުރި އާދެވެނީ ތިބި ތަނަށެވެ. އޭރު އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. ތިންމީހުންނަށްވެސް ހަދާނެގޮތް ހުސްވެ ބިރުގަންނަން ފަށައިފިއެވެ. ދުރުދުރަށް ބޯކޮށް ހެދިފައިވާ ގަސްތައް ފެނި ހިތުގައި އެކިއެކި ބިރުވެރި ވަސްވާސްތައް އުފެދެން ފަށައިފިއެވެ. އޭރު ޔަޒާން ލައިގެން ހުރި ގަމީހުގެ ފަހަތް ލެއިން ތަތްތެޅިއްޖެއެވެ.

“އަހަރުމެން ނުކުންނަން މިދަނީ ހަމަ ރަނގަޅު ދިމާލަށް، ދެން ކީއްވެތަ އެނބުރި މިތަނަށް މިއާދެވެނީ، އަހަރެން ކުޑަކޮށް ހާސްވޭއެބަ، ހިނގާބަލަ އެހީއަކަށް ގޮވަމާ، ފަހަރެއްގަ މިހިސާބު އަތިރިމައްޗަށް އައިސް އުޅޭ ބަޔަކު އުޅެދާނެ…….” ނަޒްމީ ބިރުގެންފައި ހުރިވަރު ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ފައިޒަން އާއި ޔަޒާންވެސް އެކަމަށް އެއްބަސްވިއެވެ. އަދި ތިންމީހުންގެވެސް ހިތުލަފައަށް ވަލުން ނުކުތުމަށް އެމީހުން އަބަދުވެސް ހިޔާރުކުރާ ދިމާލަށް ހިނގައިގަތެވެ. އަނެއްކާވެސް ކާމިޔާބެއް ލިބޭތޯއެވެ. ޔަޒާން އޭނަގެ ދެއެކުވެރިންނާއިއެކު އެހީއަކަށް އެދިގޮވަން ފެށިއެވެ. ވެރިވަމުން އައި ކަނު އަނދިރިކަމުގެ ތެރޭގައި ވަލުގައި ތިބެން އެމީހުންވެސް ޖެހިލުންވެއެވެ.

މިފަދަ ހާލެއްގައި އެހީއަށް އެދި ހަޅޭލަވަމުން އެމީހުން ހިނގިއެވެ. ތިންމީހުންވެސް ދާދިގާތުގައި އެކަކު އަނެކަކުގެ ގައިގާ ޖެހޭގޮތަށް ތިބެ އެތަނުން ނުކުންނަން މަސައްކަތްކުރަމުންދިޔައެވެ. ވަށައިގެންވި ކަނުއަނދިރިކަމުގެ ތެރެއިން އެކަކު އަނެކަކަށް ފެންނަނީވެސް ކިރިޔާއެވެ. ބިރުވެރިކަން އިންތިހާއަށް އިޙްސާސް ކުރެވިފައިވަނިކޮށް ކުއްލިއަކަށް އެމީހުންގެ ކަނާތް ފަރާތުންހުދުކުލައިގެ ދެއަލިކޮޅު ފެނުނުހެން ހީވިއެވެ. އެއާއެކު ތިންމީހުންނަށްވެސް ތެޅިގަނެވުނެވެ. އަދި ޖެހިގެން ހުރި މީހާއަށް ފެނުނުތޯ ވައިއަޑުން އަހަންފެށިއެވެ. އެހެންތިބެގެން ވާނެކަމެއް ނޯންނާނެކަން އެނގި ކުރިއަށްވުރެ ބާރަށް ހަޅޭލަވަން ފެށިއެވެ. އޭރު އެމީހުންނަށް ފެނުނު ދެއަލިކޮޅު ފަހަރަކަށްވުރެ ފަހަރެއް ކައިރިވަމުންދިޔައެވެ.

ގޭތެރޭގައި ރަޒިއްޔާ ކަންބޮޑުވެފައި ހުއްޓެވެ. އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވަންވާއިރަށް ގެއަށް ވަންނަ އޭނަގެ ދެދަރިން މިއަދު ގެއަށް ނައިސްގެންނެވެ.

“ރާޔާ، ކޮންއިރަކުތަ އެސޮރުމެން ދިޔައީ، ހާދަ ލަސްވެއްޖެއޭ ދޯ” ރަޒިއްޔާ އާއިއެކު ނަމާދަށް އަރަން ތައްޔާރުވަމުންދިޔަ އޭނަގެ ދޮށީ އަންހެން ކުއްޖާއަށް ބުނެލިއެވެ.

“މަންމާ، އަޅުގަނޑަކަށް ކޮއްކޮމެން ދިޔައިރެއް ބުނާކަށް ނޭގޭ، އެކަމަކު މިހާއިރުވަންދެން އެމީހުން ބޭރުގަ ނޫޅޭނެ، މިހިރަ އަޒުރާމެންގޭ ފިރިހެން ސޮރާއެއްކޮއް އެމީހުން ދާނީ، ނިކަން އެގޭ އަޒުރާގާތު އަހާބަލަ، ފަހަރެއްގަ އެގޭ ސޮރު އައިސް އުޅެދާނެ…” ރާޔާ ބުނެލިއެވެ.

“ދެން ދާނީ ނަމާދުކޮއްލައިގެން، މިރޭ އެމީހުން ގެއަށް އައިސްފިއްޔާ ވަރުގަދަ ބޮނޑިއެއް އަޅާނަން، އަބަދު މިކިޔަނީ އިރުއޮއްސެން ވާއިރަށް ގެއަށްވަންނަން ޖެހޭނެއޭ” ރަޒިއްޔާ ދެފިރިހެން ދަރިންނާއި ދޭތެރޭ ހިތްހަމަނުޖެހިފައި ހުރެ ނަމާދަށް އެރިއެވެ.

ނަމާދުން ފޭބިގޮތަށް ރަޒިއްޔާ އަވަސްވެގަތީ އަޒުރާމެންގެއަށް ދިއުމަށެވެ. ނަމާދުދޮޅި ބޭލުމާއިއެކު ބޮލަށް ބުރުގާ ހެޔޮވަރުކޮއްލަމުން އަވަސް ފިޔަވަޅުގައި ގޮސް އަޒުރާމެންގެއަށް ވަނެވެ.

“އެކޮއެ، ކޮބާ މަންމަ” ގޭތެރެއަށް ވަންނަމުން ރަޒިއްޔާ އަހާލީ ބޮޑުއަށިމަތީ އޮށޯވެލައިގެން ޓީވީއިން ޤުރުޢާން ކިޔަވާއަޑުއަހަން އޮތް ލައިބާގާތުއެވެ.

“ކޮޓަރީގަ، ގޮވާލަންވީ ދޯ” ލައިބާ ތެދުވެ ބޮޑުއަށިމަތިން ފުއްމާލަމުން ބުނެލިއެވެ. ރަޒިއްޔާވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ލައިބާ ކުޑަކޮށް ދުވެލާފައިގޮސް އަޒުރާގެ ކޮޓަރީގައި ތަޅައިގަތެވެ.

“ސާބަސް…އަހާ ރަޒީ….މިގަޑީގަ، އަނެއްކާ ކިހިނެތްވީ” ކުއްލިއަކަށް ދޮރުހުޅުވާލި އަޒުރާ ލައިބާއަށް އެއްޗެއް ބުނަން އުޅެފަވެސް ރަޒިއްޔާ ފެނުމާއިއެކު ރާގުގަނޑު ބަދަލުވެގެންދިޔައެވެ.

“އަޒުރާ ކަލޭގެ ސޮރު ގޭގަ އެބައުޅޭތަ” ރަޒިއްޔާ ކަންބޮޑުވެފައި އަހާލިއެވެ.

“ތެދެއް ލައިބާ ދޮންބެ އެބައުޅޭތަ” އަޒުރާ އަހާލީ ލައިބާ ގާތުއެވެ.

“ދޮންބެ ދިޔައީ ފައިޒަންބެ އާއި ނަޒްމީބެ އާއިއެކު ކުއްޅަށްހޮވާތަނަށް” ލައިބާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

“އެއީ ކޮންތަނެއް؟” ރަޒިއްޔާއަށް ނޭގޭ ކަމެއް ވީމަ އަހާލެވުނެވެ.

“މިހެން ދާއިރު އަތިރިމަތީ ދިމާލުގަ އޮންނަ” ލައިބާ އަތުގެ އިޝާރާތުން ކިޔާދިނެވެ.

“ކިހިނެތްތަވީ ރަޒީ” އަޒުރާ ވެގެން އުޅޭގޮތެއް އޮޅުން ފިލުވަންބޭނުންވިއެވެ.

“މިއުޅެނީ އަހަރުމެންގޭ ދެސޮރުވެސް ގެއަށް ނައިސްގެން، އަދި ދުވަހަކުސް މިހާލަހެއްނުވޭ، ކޮންމެ ދުވަހަކުވެސް އަންނާނެ ނަމާދަށް ގޮވަންވާއިރަށް، މިހާރު އެއޮތްގެން ހަތެއްޖަހަނީ……އަހަރެން ވަރަށް ކަންބޮޑުވޭ، ކާސިމްބެއަށް ގުޅަންވީކަންނޭގެ” ރަޒިއްޔާ ނިތަށް ރޫއަރައިގެން ދިޔައީ ކަންބޮޑުވެ ހާސްވެފައި ހުރިވަރުންނެވެ.

“މިގޭ ޔަޒާންވެސް އެހެން ރޭ ރޭ އުޅޭނެ ގޭގަ މިހާއިރު ވާއިރު ” އަޒުރާވެސް ވިސްނާލިއެވެ.

ރަޒިއްޔާ އޭނަގެ ގެއަށް ދުވެފައި ދިޔައެވެ. އަދި ނަމާދަށް އަރަމުން ފޮތްކަނބަޑު މަތީ ބާއްވާފައި އޮތް އޭނަގެ ފޯނު ނަގާ ކާސިމުއަށް ގުޅާލިއެވެ. ކާސިމުއަކީ ރަޒިއްޔާގެ ބޮޑުބޭބެއެވެ. އޭނަ ގުޅާލިއިރު އަދި ކިރިޔާ ކާސިބު މަހުން ލަފައިގެން އައިސް ގެއަށްވަނީއެވެ. އެހެންނަމަވެސް ރަޒިއްޔާ މެންގެއަށްވީ މަސްކޮޅު ހިފައިގެން އޭނައަވަސްވެގަތީ އެގެއަށް ދިއުމަށެވެ.

ކައިރިއަވަށްޓެރިންނަށް ރަޒިއްޔާގެ ކަންބޮޑުވުމުގެ ހަބަރު ލިބުމާއިއެކު ކޮންމެ މީހަކު ހަބަރު އޮޅުންފިލުވަން ގޭދޮރުމައްޗަށް ނުކުމެތިއްބެވެ. ކާސިމު އާއި ހައްވަދައިތަގެ ފިރިމީހާ ހުސޭނުބެ އާއި އަދިވެސް ދެތިން ހަރު ފިރިހެނުން ގޮވައިގެން އެމީހުން ދިޔައީ ލައިބާ ބުނި ދިމާލަށެވެ. ޓޯޗުގެ އަލީގައި ވާގަނޑުގެ ތެރެއަށް ދެތިން ފޫޓު ވަދެވުމާއިއެކު ފައިޒަން އާއި ނަޒްމީގެ ހަޅޭކުގެ އަޑުއިވިއްޖެއެވެ. އެދިމާލަށް އެންމެން އަވަސްވެގަތް އިރު ބުރެއްހެން އެމީހުން ހިނގަމުން ހަޅޭލަވަނީއެވެ. ކާސިމު އާއި ހުސޭނުބެ އިސްކޮށްހުރެ އެތިންމީހުން ގޮވައިގެން ވަލުން ނުކުތެވެ. އޭރު ޔަޒާންގެ ހަބަރު ހުސްވަނީއެވެ. އޭނަގެ ލެއިން ތަތްތެޅިފައިވާ ގަމީސް ފެނި ކޮންމެ މީހެއްގެ ހިތުގައި އެކިއެކި ސުވާލުތައް އުފެދި ގިނަވަމުންދިޔައެވެ.

“އަސްތާ….ކިހިނެތްވެފަ އެސޮރު އެއޮތީ، ހޮސްޕިޓަލަށް ގެންދަމާ ހިނގާ” އަޒުރާ އާއި ރަޒިއްޔާގެ ގާތުގައި މަޑުކޮއްލައިގެން ހުރި ހައްވަދައިތަ ބުނެލިއެވެ. އޭރު ހައްވަދައިތަ މެންގެއާއި ޖެހިގެން ހުރި ގޭގެ ޖަމީލާ އާއި އެގޭ ކުރިމަތީގައި ހުރި ގޭގައި އުޅޭ އާސިޔަތު އައިސް މަޑުކޮއްލައިފިއެވެ.

“ޔަޒާން، މަގޭ ދަރި” އަޒުރާއަށްވެސް އަތުލަފިކޮއްލައިގެން ގެނައި ތިންކުދިންގެ ތެރެއިން ޔަޒާން އޮތްހާލު ފެނުމުން ބުނެލިއެވެ.

ރަޒިއްޔާ މެންގޭތެރެއަށް ތިންކުދިންވެސް ވައްދާ އެގޭ ބޮޑުއަށި މަތީ ބޭއްވިއެވެ. ޔަޒާން އޮތީ ބަންޑުން ބާއްވާފައެވެ. ފިރިހެންވެރިން ޔަޒާންމެން ފެނުނުއިރު އެމީހުންތިބި ހާލުގެ ވާހަކަ ކިޔާދިނެވެ. ތިންކުދިން ވަލުތެރޭގައި ވާވަދެ ދެވޭ ނުދެވޭ ދިމާލެއް ނޭގިގެން ބުރަކަށް އެނބުރެމުންދިޔަވާހަކައެވެ. އަދި އަތްލުމާއިއެކު ފައިޒަން އާއި ނަޒްމީ ހަބަރު ހުސްވެގެން ވެއްޓުނު ކަމާއި އޭރުވެސް ޔަޒާން އޮތީ މިހާލުގައި ކަމަށް ހުސޭނުބެއާއި ކާސިމު ކިޔާދެމުންދިޔައެވެ. ރަޒިއްޔާ އާއި ހައްވަދައިތަ އަތްކުރިއޮޅާލާފައި ޔަޒާން އާއި ފައިޒަން އާއި ނަޒްމީ ހޭއެރުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އަޒުރާވެސް ބޮޑުއަށި ކައިރީ ހުރިއިރު އޭނަގެ މޫނުމަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ.

“ކަނބުލޯ އިރާދަ ކުރެއްވިއްޔާ އެސޮރު ރަނގަޅުވާނެ، ހީވަނީ ބުރަކަށީގައި ގޮފިތަކަކުން އެޅިފައިހުރިހެން، އެހާ ފުންކޮށެއް ނޫން ހުރީ، ހައްވަދައިތަ ވަރަށް މޮޅުވާނެ އެކަހަލަ ކުދި ކުދި ކަންތައްތަކަށް ބޭސް ހަދާލަން” ހުސޭނުބޭ އަޒުރާގެ ހިތްހަމަޖައްސާލުމަށް ބުނެލިއެވެ. އޭރު ޔަޒާންގެ ގަމީސް ބޭލުވުމަށްފަހު ބުރަކަށި ފެންފޮތިކޮޅަކުން ސާފުކުރަމުންދިޔައެވެ. ކާސިމު ގޭތެރެއިން މީހުން މަދުކުރެވޭތޯ އުޅެންފެށިއެވެ.

“ނިކަން ބުނެބަލަ އެސޮރަށް ކިހިނެތްތަވީ، އެފަރާތު ވަލަށް ވަނީ ކީއްކުރަންތަ” ޖަމީލާ އޭނަގެ ގާތުގައި ހުރި އަވަށްޓެރިއެއްގެ ކައިރިން އަހާލިއެވެ. ރަޒިއްޔާމެންގޭތެރެއަށް އެއްވެ ތިބި މީހުންގެ ޗުކުޗުކުއެޅުވުމުގެ އަޑުފައްގަނޑު ހަރުލަމުންދިޔައެވެ. ކޮންމެ މީހަކުވެސް ކަމުގެ ހަގީގަތް ނޭގުނަސް ކޮންމެވެސް އެއްޗެކޭ ކިޔަމުންދިޔައެވެ.

“ހާދަވަރެއްވެފައޭ އެސޮރަށް އެއޮތީ، އަދިވެސް ޑޮކްޓަރަށް ގެންދާކަށް ނޫޅޭ….” ރަޒިއްޔާމެންގޭ ތެރެއަށް އެއްވެފައިތިބި މީހުންތަކުގެ ތެރެއިން މީހަކު ބުނެލިއެވެ.

“ބަލަ ހައްވަދައިތަ އެއުޅެނީ އެސޮރުބުރަކަށީގައި ބޭސްކަފަގަނޑެއް އަޅަންށޭ، އަހަރުމެންގެ ކުޑަ މަންޖެ ކަކުލު ހުޅަށް ތަދުވާތި އުޅެނިކޮށްވެސް ހައްވަދައިތައޭ ބޭސްގަނޑެއް އަޅައިދިނީ، މިހާރު އެހެރީ މުޅިން ބަރާބަރުވެފަ، ހައްވަދައިތަ އެހެން ހުއްޓަސް ވަރަށް ކުޅަދާނަވާނެ” ޖަމީލާގެ ގާތުގައި ހުރި މީހަކު އޭނައަށް އަޑުއިވުނު ވާހަކައަށް ޖަވާބުދިނެވެ.

“މަށަށްވެސް ހީވަނީ ހައްވަދައިތަ އެއުޅެނީ ލޭމަނާ ކުރަންހެން، ވަގުތީ ފަރުވާއެއް އެހަށް ދެވޭތޯ ކަންނޭގެ” ޖަމީލާވެސް ބުނެލިއެވެ.

ޔަޒާން އެރޭ ގެއަށް ގެނައިއިރު ރޭގަނޑު ނުވައެއްޖަހަނީއެވެ. އަޒުރާ ކަންބޮޑުވުމާއިއެކު ޔަޒާންގެ އެނދުގައި އޭނަގެ ގައިގާ ފިރުމާލަ ފިރުމާލެއިނެވެ. އޭރު ކުރިމަތީހުރި އެނދުގައި ލައިބާ އިށީނދެލައިގެން ބަލަން އިނެވެ. އެރޭ ޔަޒާންއަށް ކާންގެނެސް ސަމްސަލުން ލަވާހެދީވެސް ހުދު އަޒުރާއެވެ. އެކަމަކު އެއަޅާލުމާއި އޯގާތެރިކަން ދެމި އޮތީ އޭނަގެ ރަޙުމަތްތެރިން ގެއަށްއަންނަންދެންނެވެ. ރޭގަނޑުގެ ކުޅިވަރު ފެށެންދެންނެވެ. ލައިބާއަށް އަރާމުކަމާއިއެކު ފުންނިންޖަކުން އެރޭ ނިދާލެވުނެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިތްހަމަޖެހިލައިގެން އޮވެއެވެ. އޭނަ ޔަޒާންއަށް ދިމާވި ހާދިސާ އާއިމެދު ކަންބޮޑެއްނުވެއެވެ. އެކަމާއި ދޭތެރޭ އޭނަ ވިސްނަންވެސް ބޭނުންނުވަނީއެވެ. އެއަނިޔާ އަކީ ލައިބާއަށް ލިބެމުންދިޔަ އަނިޔާ ތަކާއި އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫންކަންކަމުގައި އޭނަ ދެކެއެވެ. އެހާދިސާ ޔަޒާންއަށް ބަދަލުތަކެއްގެނުވިއެވެ. އެހެންނަމަވެސް އެރެއަށްފަހު އަނެއްކާވެސް ލައިބާގެ ހަމަނިދިނަގާލިއެވެ. ޔަޒާންއަށް އިރުއޮއްސި ރޭވެއްޖެނަމަ އެކަނި ގެއިން ބޭރަށް ނުކުންނާކަށް ނުކެރެއެވެ. އެހެންވެ އޭނަ ފައިޒަން އާއި ނަޒްމީ އެގެއަށް ގެންނަން ފެށީއެވެ. ނޫނީ ފައިޒަން އާއި ނަޒްމީ މެންގޭގައި އެކުރާކަމެއް ކުރަނީއެވެ.

މިއަދަކީ ބޮޑު ދުވަހަކަށް ވީގޮތް ލައިބާއަށް އެނގެއެވެ. ޔަޒާން ލޯގަނޑު ކުރިމަތީ ހުރެ އިސްތަށިގަނޑު ރީތި ކުރަމުން ފަރިބަލަމުން ދިޔައިރު ތުނބުން ފުމެލަ ފުމެލާ ހުއްޓެވެ. ލައިބާ ތުންދަމާލައިގެން ދެލޯއަޅާއުސޫލުން ޔަޒާންއަށް ބަލަހައްޓައިގެން އިނެވެ. މެންދުރުގެ ވަގުތުގައިވެސް ލައިބާގެ ފަރާތުން ޔަޒާން އުފާހޯދާއިރު އަޒުރާ އެކޮޓަރިއަށް އައިސްދާނެ ކަމަކަށް އޭނަ ބިރެއްނުގަނެއެވެ. އެކަން އެގޮތަށް ވާނެނަމައޭ ލައިބާގެ ހިތަށް އަރާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު އޭނައަކީ މިވަގުތީ ދުނިޔެއަށް އުފަންވެފައިވާ ބަދުނަސީބުވެރިއެކެވެ. އޭނައަށް ނަސީބޭ ކިޔާއެއްޗެއް އޮންނަކަމެއް ގަބޫލެއްނުކުރެވެއެވެ.

“އަހަރެން އަންނަން ވާއިރަށް މިކޮޓަރި ހުސްކުރާތި” ޔަޒާން އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“ނުކޮއްފިއްޔާ….” ލައިބާ ފުރަތަމަ ފަހަރަށް ޔަޒާން އާއި ދިމާލަށް އިދުކޮޅަށް އެއްޗެއް ބުނެލިއެވެ.

“ދެން ހަދާނެ ގޮތްވެސް މަށަށް އެނގޭނެ، މަނޫޅެމޭ ގޮތް ހުސްވެގެންނެއް” ޔަޒާން ހިނިގަނޑެއް ޖަހާލަމުން ކޮޓަރިން ނުކުތެވެ.

ޔަޒާން ދިޔައީ ރަށު ފާލަންކޮޅަށެވެ. އޭނަގެ އެންމެ ގާތް ދެރަޙުމަތްތެރިން ރަށަށް އަންނައިރު ފާލަންދޮށުގައި އޭނަވެސް ހުރުމަށެވެ. ފާލަން ދޮށަށް އެއްވެފައި ތިބި މީހުންތަކުގެ ތެރެއިން ރަޒިއްޔާގެ އާއިލާވެސް އޭރު ފާލަމާ ދިމާ އަތިރިމަތީ ހުރި ބޮޑުގަހެއްގެ ހިޔަލުގައި މަޑުކޮއްލައިގެން ތިއްބެވެ.

ޔަޒާންގެ ކެތްތެރިކަން ކުޑަވެފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ނެރުންވަތް ދޯނިފެނުމުންނެވެ. ޔަޒާން ކުރިއަށްވުރެ ފާލަމާ ގާތްވެލަމުން ދޯނި ގާތް ކުރާ ދިމާލަށް ޝައުގުވެރިކަމާއިއެކު ބަލަންހުއްޓެވެ. މާގިނައިރެއްނުވެ ދޯނި ފާލަމާއި ގާތްކޮއްލުމާއިއެކު މީހުންތައް ފައިބަން ފަށައިފިއެވެ. ރަޒިއްޔާގެ ޢާއިލާވެސް ދޯންޏާ ގާތްވެލީ އޭގައި އައި ފައިޒަން އާއި ނަޒްމީ ފެނޭތޯއެވެ. ޔަޒާންއަށް އެމީހުންގެ ތެރެއަށް ދާކަށް ނުކެރުނެވެ. އެހެންވެ ހުރިތާ މަޑުކޮއްލައިގެން ހުރީ ފައިޒަން އާއި ނަޒްމީ ފެންނާނެ އިރަކަށެވެ. ޔަގީނުންވެސް ދެން ގިނައިރެއްނުވާނެކަން އެނގޭތީއެވެ.

“ހޭ ޒާން……….” ނަޒްމީ ފާލަމްމަތީ ރަށާވީ ފަރާތުގައި ހުރި ޔަޒާންއަށް ގޮވާލިއެވެ.

“ސޯ ގްރޭޓް ޓު ސީ ޔޫ މޭން” ފައިޒަން އައިގޮތަށް ޔަޒާންގެ ގައިގާ އޮޅުލައިގަންނަމުން ބުނެލިއެވެ.

“އެއްކޮށް ނިންމާލީތަ” ޔަޒާން ހިނިއައިސްފައި ވާހަކަދެއްކިއެވެ.

“އާ…ނިންމާލީ، ކޮބާ އާހަބަރެއްނެއްތަ” ފައިޒަން ބުނެލިއެވެ. އޭރު ރަށުތެރެއަށް އަރައިގެން ގެއަށް ދިއުމަށްޓަކައި ފައިޒަން އާއި ނަޒްމީ ހިނގަމުންދިޔައެވެ. އެދެމީހުންނާއިއެކު އެމީހުންގެ އާއިލާގެ ބައެއްމެމްބަރުން އައެވެ. ކާސިމު އެދެމީހުންގެ ފޮށި ބަރޯއަކަށްލައިގެން ރަޒިއްޔާއާއި ވާހަކަދައްކަމުން ކުރިއަށް އާދެއެވެ.

“ހާދަ ދުވަހެކޭ ދޯ މިދިޔައީ، ދިމާވީމަ ވާނެއެއްނު ކަމެއް ބާއްވާލަން…….މިހާރު ކޮންބިޓެއްތަ ތިގެންގުޅެނީ” ނަޒްމީ އާދައިގެ މަތިން ޔަޒާންގެ ކޮނޑަށް އަތްވައްޓާލަމުން ސިއްރުސިއްރުން އަހާލިއެވެ.

ތިންމީހުން އެމީހުންގެ މަޖާ ސަކަރާތުގައި ތިބެ ރަޒިއްޔާމެންގޭ ތެރެއަށްވަދެގެންދިޔައެވެ. ހަވީރުވާންވާއިރަށް ރަނގަޅު ޕްލޭނެއް ތައްޔާރުކުރުމަށް ތިންމީހުންގެ މެދުގައި މަޝްވަރާކުރެވެމުންދިޔައެވެ. ރަޒިއްޔާއަށް އޭނަގެ ދެދަރިން އެނބުރި އޭނަގެ ގާތަށް އައުމުން ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުން އެކުދިން ރާވަމުންދިޔަ ނުބައިރޭވުންތައް އޭނައަކަށް ފާހަގައެއްނުކުރެވުނެވެ.

ފެންވަރާލައިގެން ނުކުތްލައިބާ އިސްތަށިގަނޑުގައި ފުނާއަޅަމުން ފެންޑާއަށް ނުކުތެވެ. އަދި އާދައިގެ މަތިން ޓީވީ ހުޅުވާލުމާއިއެކު ބޮޑުއަށިމަތީ އަރާ އިށީނދެއްޖެއެވެ. އޭނަ މަޑުމަޑުން އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައީ އިސްތަށިގަނޑު ތެމިފައި އޮތުމުން ހިއްކާލުމުގެ ބޭނުމުގައެވެ. އަނެއްކޮޅުން އޭނަ ޓީވީއިން ދައްކާ ލަވަތައް ބަލަން ވަރަށް ފޯރިހުރެއެވެ. އަޒުރާ ގޭތެރޭގައި ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގާތަންވެސް ލައިބާއަށް ފެނެއެވެ. އެކަމަކު އޭނަ ޓީވީގެ އަޑުމަޑުކުރާކަށް ގަސްތެއްނުކުރެއެވެ. ހަމަޖެހިލާފައި ޓީވީ ބަލަން އިނީއެވެ.

ފަހަކަށް އައިސް ލައިބާގެ ގައިގަ ނުފިލާ ރިހުމެއްހުންނަހެން އޭނައަށް ހީވެއެވެ. އެކަމަކު އޭނައަކީ ކަންތައްތަކަށް ކެތްކުރަން ދަސްވެފައިވާ ކުއްޖަކަށްވާތީ އެކަމާއި މާބޮޑު ފަރުވާލެއްނުހުރެއެވެ. ބަދިގޭގައި އުޅޭއިރު އޭނަ ހޮޑުލަވާގޮތްވާތާވެސް ދެދުވަހެއްވެއްޖެއެވެ. އޭރު އޭނަގެ ގާތަށް ލުބާ ނާންނަތާވެސް ދެދުވަސްވަނީއެވެ. ވާގޮތް ކިޔާދޭން ހުރީ ހަމައެކަނި އޭނަވިއްޔާއެވެ. ދެން ގޭތެރޭގައި ލައިބާގެ ހާލު އަހާލާ މީހަކު ނޫޅެއެވެ. ލައިބާގެ އުރަމައްޗަށް ބައެއް ފަހަރު މާބޮޑަށް ތަދުވާހެންވެސް އޭނައަށް ހީވެއެވެ. އެހެންނަމަވެސް އޭނަ ދެކުނުގޮތުގައި އެއީ މައްސަރުކަންތައް ޖެހެން ގާތްވާތީ ވާގޮތެއްކަމުގައެވެ. ހުންވައްތަރު ވެދާނެތީ އޭނަ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ އަޒުރާ އޭނައާއި ދިމާލަށް އެއްޗެހި ކިޔާނެވަރު ހިތައްއަރާފައެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ މިހާރު އޭނަގެ ވާޖިބަކަށްވެފައި އޮންނާތީއެވެ.

“ބަލަ ކަލެއަކަށް ނޭގޭތަ މަމިހިރީ ވަރަށް މުހިއްމު ފޯން ކޯލެއްގަ ކަމެއް، ހަމަ އައިގޮތަށް އައިސް ޓީވީ ހުޅުވާ އަޑު ފުލްކޮއްލައިގެން އަރާ ބޮޑުއަށިމަތީ ތިއިންނަނީ، މަށަށް ޖެއްސުން ކުރަންވެސް ފެށީ ދޯ، މިދެން ކިހާ ވަރުގަދަ ކަމެއް، ކަލޭ މަށަށް ނުފެންނަ ހިސާބުގަ އުޅޭށޭ މިހާރު ބުނެފީމެއްނު” އަޒުރާ ފޯނުކޯލް ނިންމާލުމަށްފަހު ލައިބާ އާއި ދިމާލަށް އެނބުރުނު ގޮތަށް ފަތިވަރު އަމުނާލިއެވެ.

“މަ ޖެއްސުމެއް ނުކުރަން….” ލައިބާ އަޒުރާއަށް ބަލާލުމެއްނެތި އިސްތަށިގަނޑުގާ ފުނާ އަޅާލަ އަޅާލަ އިނދެ ބުނެލިއެވެ.

“ކަލޭ މަށާ ވިއްދާފަ އެއްޗެހިވެސް ބުނަންފެށީތަ، ބަލަ ތި އަނގަގަޑުން ބަހެއްނުބުނެވޭ ވަރު ކޮއްލަފާނަން، ތިއުޅެނީ މަ ރުޅިނައިސްގެން ދޯ، ކަލޭ ތިވަރު ކުރީ ބަލަ މަށޭ، އަދިވެސް މަދިނީމަ ލައިގެން، މަދިނީމަ ކައިގެން ބޮއެގެން އުޅޭއިރުވެސް މަގޭކުރިމަތީ ޒުވާބު ކުރާނަމޭ ހިތާ ދޯ ތިއުޅެނީ” އަޒުރާ ދެފިޔަ ތަޅަމުން ފުއްމާލި ކުކުޅެހެން އައިސް ބޮޑުއަށިމައްޗަށް ޖެހިގަތެވެ. އަދި ވަގުތުން ލައިބާގެ ކޮލުގައި ހިފާ ފިތާލި ފިތާލީނުން އޭނަގެ ދިގު ނިޔަފަތިތައް ވައްދާލިއެވެ. ލައިބާގެ ނާޒުކު ކޯތާފަތުން ހަންގަނޑު ކަނޑައިގެންގޮސް އަޒުރާގެ ނިޔަފަތިތައް ޖެހިފައި ހުރިތަންތަނުން ލޭކުލަފެނިގެންދިޔައެވެ. އެވަރުވުމުންވެސް އަޒުރާ ހުއްޓައެއްނުލިއެވެ. އޭނަ ކޮޓަރިއަށް ދިޔައީ ލައިބާގެ ކަންފަތްމަތީ ޖަހާފައެވެ. ލައިބާ އޭނަގެ ކޯތާފަތުގައި މަޑުމަޑުން އަތްހާކާލަ ހާކާލާ ބޮޑުއަށިމަތީގައި އިނެވެ. އޭނަގެ ދެލޮލުން އެންމެ ކަރުނަތިއްކެވެސް ނުވެއްޓުނެވެ. އޭނަ އަޒުރާ އާއި ޔަޒާންގެ އެފަދަ ބީހުންތަކަށް މިހާރު އެއްގޮތްވީއެވެ. ރޮއެ ރޮއެ ދެލޯ ފާރުކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ. އެއާއި ހިލާފަށް ލައިބާގެ ހިތުގައި ރޯވަމުންދިޔައީ ނަފުރަތުގެ އަލިފާނެވެ. އަޒުރާދެކެ އޭނަ އިނީ އިންތިހާ ދަރަޖައަށް ރުޅިއައިސްފައެވެ. އެތަށް އެއްޗެއް ބުނަން ބޭނުންވެފައެވެ. އެކަމަކުވެސް ފަސްޖެހެވެނީ ކީއްވެކަމެއް ހުދު ލައިބާއަކަށްވެސް ނޭގެއެވެ. އޭނަގެ ދުލުގައި ތަޅެއްލެވެންވީ ކޮންސަބަބަކާއި ހެދިހެއްޔެވެ.

ލައިބާ ފާހާނައިގައި ހުންނަ މޫނުބަލާ ލޯގަނޑުން އޭނަގެ ކޯތާފަތް ބަލަމުންދިޔައެވެ. އަދި މަޑުމަޑުން މޫނު ދޮންނަ ތަށީގެ އިސްކުރު ދޫކޮއްލުމަށްފަހު ދެއަތްތިލަ ތެތްމާލަމުން ނަގާ ކޯތާފަތުގައި ޖައްސާލިއެވެ. ފިނިކަމެއް އިޙްސާސްކުރެވިގެންދިޔައެވެ. ދެފަހަރަކު ލައިބާއަށް އެހެން ހަދާލެވުނު ތަނާހެން ކޮޓަރިއަށް ބަޔަކުވަތްއަޑު އިވުނެވެ. ލައިބާ އަވަސް އަވަހަށް އިސްކުރު ބާރުކޮއްލުމަށްފަހު ކޮޓަރިތެރެއަށް ނުކުތެވެ. އޭރު ފައިޒަން އާއި ނަޒްމީ ޔަޒާންގެ އެނދުގައި އިށިންނަނީއެވެ. ލައިބާ އެމީހުންނަށް މާބޮޑު ސަމާލުކަމެއް ނުދީ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ޒާން، ކޮބާތަ ސަޕްރައިޒް….” ލައިބާ ކޮޓަރިން ނުކުމެ ދޮރުލައްޕާލި އިރަށް ނަޒްމީ ނާއުއްމީދުވީ ގޮތަކަށް އަހާލިއެވެ.

“ތެދެއް ކޮބާ، އަހަރެން ހީކުރީ ސަޅި ބިޓެއް ސެޓުކޮއްފަ ހުރީކަމަށް” ފައިޒަން އޭނަގެ ކުރިމަތީ ހުރި ޔަޒާންއަށް ބުނެލިއެވެ.

“ނުފެނުނުތަ ސަޕްރައިޒެއް” ޔަޒާން ލާނެތް ފާޑަކަށް ހިނިއައިސްފައި ހުރެ ގަމީހުގެ ގޮއްތައް ނައްޓަމުން ބުނެލިއެވެ.

“އާ ނުފެނުނު، ތީ ދެން އާކަމެއްނޫނެއްނު، އަހަރެން މިދައްކަނީ އަހަރުމެން ތިންމީހުންގެ އިތުރުން ނެތްހޭ މީހަކު” ފައިޒަން އަނެއްކާވެސް ވާހަކަދެއްކީ ޔަޒާން އާއިއެވެ.

“މަވެސް ނުދައްކަމޭ އަހަރުމެން ތިންމީހުންގެ ވާހަކައެއް، މަ ބުނަން މިއުޅެނީ ދެންމެ އެދިޔައީއޭ ދޭން އުޅޭ ސަޕްރައިޒްއަކީ، އެ ސަޕްރައިޒްއަށް ބަލާލިންހޭ، ރަނގަޅުހޭ” ޔަޒާން ކުރިއަށްވުރެ ބޮޑަށް ހީލިއެވެ.

“އޯ….އޯ……އަދި މި ގެޓުވީ، އެކަމަކު…..އޭރުން ކިހިނެތްވާނީ، އެއީ ޒާން ކޮއްކޮއެއްނު، އޭނަ އަނެއްކާ ކުޑަވެސް ވާނެ” ނަޒްމީ ފައިޒަން އާއި ޔަޒާން ދައްކަމުންދިޔަ ވާހަކަ އަޑުއަހަންއިނދެ ބުނެލިއެވެ.

ޔަޒާން އާއި ފައިޒަންމެންނާއި ދެމެދު ދެކެވެމުންދިޔައީ ލައިބާގެ ވާހަކައެވެ. އެމީހުން އިންތިޒާރު ކުރަމުންދިޔައީ އަޒުރާ ހަވީރު ބޭރަށްދާނެއިރަކަށެވެ. ލައިބާވެސް ފޫހިކަމާއިއެކު ބޮޑުއަށިމަތީގައި ދެފައި އެލުވައިލައިގެން އިށީނދެއިނީ އުނދޯއްޔަށް އޭރުވެސް ކޮންމެވެސް ވަރަކަށް އަވިއަރާފައިވާތީއެވެ. ކޮޓަރި ތެރެއިން ޔަޒާން އާއި އޭނަގެ ރަޙުމަތްތެރިން ހީގަންނައަޑު ދޭތެރެއަކުން އިވެމުންދިޔައެވެ. އޭރު އަޒުރާ ކޮޓަރިއަށް ވަތްގޮތަށް ނުނިކުމެއެވެ.

ތުންފަތުގައި މަޑުފިޔާތޮށިކުލައެއް ޖައްސާލުމާއިއެކު ލޮލުގެ ކައިރި އަދުނުން ފަވާލާފައިވެއެވެ. ހަށިގަނޑުގެ ބައްޓަމާއިއެއްގޮތަށް ހެދުން އަޅާފައި ހުރިއިރު އަޒުރާ ލާފައިވަނީ އެންމެ މިޒަމާނުގެ ޅަކުދިން ލާފަދަ ޓޮޕަކާއި ޖިންސެކެވެ. އެއީ އޭނައަށް ޝިޔާޒު ގެނެސްދިން ހަދިޔާއެކެވެ. އެވާހަކަ ނުދެއްކިއެއްކަމަކު އޭނަގެ ހިތުގައި ޝިޔާޒުއަށްޓަކައި ހާއްޞަކަމެއްދެވިފައިވެއެވެ. ޝިޔާޒުކަހަލަ ފިރިހެނަކު ހަޔާތުގެ ބައިވެރިއަކަށްވާން ނޭދޭނީ ފަހެ ކާކުހެއްޔެވެ.

އަޒުރާ ކޮޓަރިން ނުކުތްވަގުތު ލައިބާ އާއި ޔަޒާން ނިދާ ކޮޓަރިތެރެއިން ހުނުމުގެ އަޑުއިވުނެވެ. ގޭން ނުކުންނަން ދަމުން އަޒުރާ އެކޮޓަރީގެ ދޮރުހުޅުވާ ބަލާލިއެވެ. ޔަޒާން އާއި އޭނަގެ ދެރަޙުމަތްތެރިން އެނދުމަތީ މަޖާ ސަކަރާތުގައި ތިއްބެއެވެ. އަޒުރާ ބޯދިއްކޮލުމުން ތިންމީހުންވެސް ހިމޭންވިއެވެ. އެއާއިއެކު އަޒުރާ އޭނަ ދަމުން ހަމަ ބަލާލީކަމުގައި ބުނެ ހިނިތުންވެލަމުން ދޮރުލެއްޕިއެވެ.

“ޒާން ބުނެފިއްޔާ އޭނައަށް ކާން ހަދާތި، އަހަރެންގެ ކޮޓަރި ފާހާނާގައި ހުންނާނެ މިދެދުވަހު ބޭލި އެއްޗިހި، އަހަރެން އަންނަން ވާއިރަށް އެހެދުންތައް ނަގާތި، މަގޭ ކޮޓަރި ފޮޅާ ސާފުކޮއްލާތި އިނގޭ، އަދި އެނދުގެ ތަންމަތިވެސް އަޅާތި” ގޭން ނުކުންނަން ދިޔައިރު އުނދޯލީގައި އިން ލައިބާ ފެނުމާއިއެކު އަޒުރާ ބުނެލިއެވެ. އެހެންބުނިއިރު ލައިބާއަކީ އަދި ބާރަ އަހަރުގެ ކުޑަކުއްޖެއްކަމެއް އޭނަ ނުދެކެއެވެ. އޭނަ ލައިބާގެ ޖަވާބަކަށް މަޑެއްނުކުރެއެވެ. ބުޑުގަނޑުން އަށްޑިހަ އަށެއް އަޅަމުން ނުކުމެގެން ދިޔައީއެވެ.

ލައިބާ ޖޯލި އުނދޯލީގައި ބުރަކަށި ޖައްސާލައިގެން ބަނބުކެޔޮ ގަހުގެ ގޮފިތަކަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނަ އާއި މީހަކު ވާހަކަދެއްކިހެންވެސް ހީނުވެއެވެ. އެހެންނަމަވެސް އޭނައަށް އަޒުރާދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނުރުހިފައި ޗޮކެއް ކަނޑާލުމާއިއެކު ލައިބާ އުނދޯލިން ފައިބައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ރުޅިވެރިކަމާއިއެކު އެމޫނުގައިވާ ދެބުމަ ގޮއްޖަހާލާފައިވެއެވެ. ހިކިކުރަކި ވެފައިވާ ތެދުންފަތްވެސް އިންޗިއަކަށް ބޭރަށް ދަމާލާފައިހުއްޓެވެ.

ލައިބާ ވަރަށް ހާލުގައި އަޒުރާގެ އެނދުތަންމަތި އެޅިއެވެ. އަދި އެކޮޓަރިތެރެ ސާފުކުރަން ފެށިއެވެ. ފޮޅާ ނިންމާލާފައި ކުނިއަޅަން ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި ޑަސްބިން ހިފައިގެން ގޮސް ބަދިގެ ފަރާތުގައި ހުރި ކުނިގޯންޏަށް އަޅާލިއެވެ. ދެން އަޒުރާގެ ކޮޓަރި ފާހާނާގައި ދާވެފައި ހުރި ހެދުންތައް ގެނެސް ގިފިލީގައި ބަހައްޓާފައި ހުރި ދޮންނަ މެޝިންތެރެއަށް ލިއެވެ. ލައިބާގެ ހަރަކާތްތައް ހުރިގޮތުން އޭނަ އެހުރިހާ ކަމެއް އެކުރަނީ މަޖުބޫރުންކަން ކޮންމެ މީހަކަށްވެސް އެނގޭހާވެއެވެ. ލައިބާ ގިފިލީގައި އުޅެނިކޮށް ޔަޒާން ދެފަހަރަކު ގޮވާލިއަޑުއިވުނެވެ.

“ވަރަށް ފޫހިވޭ…” ލައިބާއަށް ޔަޒާން އޭނަގެ ނަމުން ގޮވާލިއަޑު އިވުމާއިއެކު ބުނެލެވުނެވެ.

ކުއްލިއަކަށް ގިފިލީގެ ދޮރުތަޅުލައިގެން ނުނިކުމެ ގިފިލީގައި ހުރެދާނަމޭވެސް ލައިބާގެ ހިތަށް އެރިއެވެ. އެކަމަކު އެހެންހުންނާކަށް ނުކެރޭނެއެވެ. އިރުއޮއްސި އަނދިރިވާކަށް ދެން މާގިނައިރެއްނެތެވެ. ރޭގަނޑު ގިފިއްޔަށް ވަންނަން ލައިބާ ނުލާހިކު ބިރުގަނެއެވެ. އަނެއްކޮޅުން ރޭގަނޑު އެކަކުވެސް އެގިފިއްޔަކަށް ނުވަންނާނެވިއްޔާއެވެ. ލައިބާ ވިސްނިގޮތުގައި އެއީވެސް ސަބަބަކާއި ހުރެގެންނެވެ. ހިޔާލު ތަކުގެ ތެރެއަށް ގެއްލިފައި ގިފިލީގައި ހުރި ލައިބާއަށް އަނެއްކާވެސް ޔަޒާން ގޮވާލިއަޑުއިވުނެވެ.

“އޯއި، މަށަށް އަޑުއިވެޔޭ” ލައިބާ މެޝިނުގެ މަތިގަނޑު ލައްޕާލަމުން ގިފިލިތެރެއިން ނުކުތެވެ. އޭރު އެތެރެގޭ ތެރެއިން ބޯދިއްކޮއްގެން ހުރި ޔަޒާން ލައިބާއަށް ފެނުނެވެ.

“އަޑުއިވޭނަމަ އައީހެއްނު، ކޮންއިރެއް ގޮވާތާ” ޔަޒާންވެސް ރުންކުރުގޮތަކަށް ބުނެލިއެވެ.

“ދެން ކީއްކުރަންތަ ތިގޮވަނީ” ލައިބާ ވަކިހިސާބަކުން ހުއްޓި އުނަގަނޑުގައި ދެއަތްވިއްދާލަމުން ބުނެލިއެވެ.

“ލައި، އެނގެއެއްނު ކީއްކުރަންކަން އަހަރެން ގޮވާނީ، އާދޭ ކޮޓަރިއަށް” ޔަޒާން ހިނިތުންވެލަމުން އެނބުރި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ލައިބާ މަޑުމަޑުން އައިސް ދެހިޔާލެއްގައި ހުރެ ގޭތެރެއަށް ވަނެވެ. އޭނައަށް ބޮޑުއަށިމަތީ ޓީވީ ބަލަން ތިބި ފައިޒަން އާއި ނަޒްމީ ފެނުމުން ހިތްތެޅިގަތެވެ. އޭނަގެ އަތްފައި ފިނިވާންފެށިއެވެ. އަނެއްކާ ޔަޒާން އެއުޅެނީ ކީއްކުރަންބާއޭ ލައިބާގެ ހިތަށް އެރިއެވެ. އޭނަގެ ދެރަޙުމަތްތެރިން އެގޭގައި އުޅެނިކޮށް ޔަޒާން އެފަދަ ކަމެއް ކުރަން އެއުޅެނީ ކީއްވެބާއޭ ލައިބާގެ ހިތަށްއެރިއެވެ. ފައިޒަން އާއި ނަޒްމީ ލައިބާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

“މިހާރުތަ ހަމަ” އަވަސް އަވަހަށް ކޮޓަރިއަށް ދެމިގަތް ލައިބާ ތެޅިތެޅިއޮތް ހިތަކާއިގެން ބުނެލިއެވެ.

“އާ، މިހާރު” ޔަޒާން ލައިބާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް ދަމައިގަންނަމުން ބުނެލިއެވެ.

“އެކަމަކު…އެކަމަކު….ބޭރުގަ…” ލައިބާހުރީ ވަރަށް ހާސްވެފައެވެ. ކުއްލިއަކަށް ކުރިމަތިވާން މިއުޅެނީ ކިހާވަރެއްގެ މުސީބާތެއްކަމެއްވެސް ނޭގޭތީއެވެ.

“އެމީހުން ދޯ، އެމީހުން ބައިތިއްބާ، ނުވަންނާނެ މިކޮޓަރިއަކަށް، ދެން އިތުރު ވާހަކަ ނުދައްކާ އަވަސްކޮއްބަލަ، ވަގުތު ދުއްވާލަން ތިއުޅެނީ ކީއްކުރަންތަ، އެހެންނޫނީ އަހަންނަށް ޖެހޭނީ ގަދަކަމުން ކަލޭ ހިފަހައްޓައިގަނެއްގެން ކުރަން، އޭރުން އެމީހުންނަށްވެސް އަޑުއިވޭނެ….” ޔަޒާން ހަރުކަށިގޮތް ދައްކާލިއެވެ.

ބަސްއަހާ ކުއްޖެއްފަދައިން ލައިބާ ޔަޒާން ބުނިހާ ކަމެއް ކުރަމުންދިޔައީ އެނޫންގޮތެއް ނެތިގެންނެވެ. އޭރު ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލައިގެން އެމަންޒަރުތައް ބަލަން ތިބި ފައިޒަން އާއި ނަޒްމީއެއް ލައިބާއަކަށް ނުފެނެއެވެ. އެހެންނަމަވެސް ގިނައިރެއްނުވެ ލައިބާ ތެޅިގަންނަމުން ޔަޒާންގެ މޭގައި އަޅާ ކޮއްޕާލީ، ޔަޒާންގެ ފުރަގަހުން އައިސް ހުއްޓުނު ފައިޒަން އާއި ނަޒްމީ ފެނުމުންނެވެ. އެ ދެމީހުންވެސް ތިބީ ޔަޒާން އާއިއެކު އެނުބައިކަމުގައި ބައިވެރިވުމަށް ތައްޔާރަށެވެ. ލައިބާއަށް ހަޅޭލަވައިގަނެވުނީ ގަސްދުގައެއްނޫނެވެ. އޭނައަށް އެއްފަހަރު ޔަޒާން އަށް އަނެއްފަހަރު ފައިޒަން އާއި ނަޒްމީއަށް ބަލާލެވެއެވެ. ދެއަތުން ހަށިގަނޑު ނިވާކުރަން އުޅެގަތެވެ. އަދި ތެދުވެގެން ދާން އުޅެންފެށުމުން ތިންމީހުންވެގެން ލައިބާ ހިފެހެއްޓިއެވެ. ބާރުގެ ބޭނުންކުރަމުން އެމީހުން ބޭނުންވާކަމެއް ކުރުމަށް ލައިބާއަށް މަޖުބޫރުކުރުވިއެވެ. އޭނަގެ ހިތްއެވަރަށް ތެޅި އަތްފައި ފިނިވީ މިހެންވެގެންކަން އޭނައަށް ވިސްނުނެވެ. އިރުއިރުކޮޅާ ތަދުވެއޭ ލައިބާ ގޮވަމުން ދިޔައިރު ޔަޒާން އާއި އޭނަގެ ހައްދުފަހަނަ އަޅާފައިވާ ދެރަޙުމަތްތެރިންނަށް އެއަޑެއްނީވެއެވެ.

ތިންމީހުން ހެމުން ހެމުން ކޮޓަރިން ނުކުމެގެން ދިޔައިރު ލައިބާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މަޑުމަޑުން ކޮޓަރިތެރެއަށް ވިއްސިގެން ގޮސްފައިވާ އޭނަގެ އަންނައުނުތައް ނަގަންފެށިއެވެ. އޭނައަށް އަނިޔާ ލިބެނީ ދުރުމީހެއްގެ ފަރާތުންނެއްނޫނެވެ. އޭނައަށް އަނިޔާކުރަނީ އޭނަގެ އާއިލާގެ މީހުންނެވެ. އެއީ ކީއްވެހެއްޔެވެ. އެމީހުން ކުރާ ކަންތައްތަކުން އޭނައަށް ތަދުވެއެވެ. އޭނައަކީ އަދި ކުޑަކުއްޖެއްކަން އެމީހުން ނުދަންނަނީ ކީއްވެހެއްޔެވެ. އެހެންކުދިންހެން ކިޔަވާ ރީތި ހެދުންލާ ހަދަން ލައިބާވެސް ބޭނުންވެއެވެ. އެކަމަކު އޭނަ ނުވަމާ ދިހަދުވަސްވަންދެން ބަނޑުގައި ގެންގުޅެ ވިހެއި މައިމީހާއަށްވެސް ރަނގަޅީ އޭނަ ނެތިއްޔާއެވެ. މިހާރު އޭނަގެ ހަށިގަނޑަށް ބޭރުމީހުންގެ ހަމަލާތައްވެސް އަރަންފެށީއެވެ. އެކަމަށްވެސް ރުހިގެން ހުންނަންވީ ހެއްޔެވެ.

ރޮމުން ރޮމުންގޮސް ލައިބާއަށް ހޮޑުލެވުނެވެ. ދުވެފައި ފާހާނާއަށް ވަދެވުނީ ކިރިޔާއެވެ. އޭނަ މޭނުބައި ކުރާތީ އުޅެނީ ވަރަށް ބަލައިގެންނެވެ. ހާއްސަކޮށް ގަރުދިޔަ ކައްކާއިރު އާއި ހޫނުކުރާއިރުގައި ދުވާވަހުން ލައިބާއަށް ހޮޑުލެވޭތާ ދެދުވަހެއްވެއްޖެއެވެ. އެހެންވެސް ބުނާނީ ކާކުކައިރީ ހެއްޔެވެ. މިހާރަކަށް އައިސް ލައިބާ ހުންނަނީ މާބޮޑަށް ކާހިތްވެސްވެފައެވެ. އަދި އޭގެތެރެއިންވެސް އޭނައަށް މީރީ ބަދިގެ ފަރާތުގައި ހުރި ކުންނާރުގަހުން ހުތްކުންނާރާ ލޮނާޖަހައިގެންނެވެ.

އަޒުރާ ފެނުމާއިއެކު ބޭރު ޖޯލީގައި އިން އާދަނު އަވަސް އަވަހަށް ގޭތެރެއަށްވަނެވެ. އުނގުމަތީ އިން ދުފާތައްބަށް ޖެހިގެން އިންޖޯލީގައި އިން ނަރީމާއަތަށް ދެމުންނެވެ. ނަރީމާ އަވަށްޓެރި ކުއްޖަކާ ވާހަކަދައްކާލުމަށް ޖޯލީގައި މަޑުކޮއްލައިގެން އިނީއެވެ. އޭނައަށް އާދަނުއާއި އަޒުރާ އެދިޔައީ ކީއްކުރަންކަން ނޭނގިގެންނެއްނޫނެވެ.

“އަހަންނަށް ހާދަ ކަމުދެޔޭ އަޒޫ” އާދަނު އަޒުރާގެ ދޮންކަނދުރާގައި ފިރުމަމުން ބުނެލިއެވެ.

“އާދަނުވެސް މަށަށް އެހާ ހެވެއްނު” އަޒުރާ ލާނެތް ރާގަކަށް ބުނެލިއެވެ.

އާދަނު އާއި އަޒުރާ އެކިއެކި ވާހަކަތައް ދައްކަމުންގޮސް އަޒުރާ އާދަނުގެ އަންހެނުން ބަޝީރާގެ ވާހަކައެހިއެވެ. އާދަނު އެކަމާ ގަޔާނުވުމުން އަޒުރާ އޭނަގެ މޮޅު އުކުޅުތަކުން އުކުޅެއް ބޭނުންކޮއްލިއެވެ. އަދި އާދަނުގެ އަނގައިން ބަސް ނެރެން ފެށިއެވެ.

“އަޒޫ، ބަޝީރާގެ ވާހަކަ ކީއްކުރަންތަ ދައްކަނީ، އޭނަ އާއި ހާސްބައި އަޒޫ ތަފާތު، ހިތަށް އަރާ މަށަށްވެސް އެ ބަޝީރާ އާއި ނީނދެ އަޒޫ އާ އިނދެވުނު ނަމައޭ” އާދަނު މަސްތުކަމުގެ ތެރެއިން މަޑުމަޑުން ވާހަކަދައްކަމުން ދިޔައެވެ.

” ހެ ހެ ހެ، ދެން އަޅެ ބުނެބަލަ، ބަޝީރާ ކުއްލިއަކަށް މަރުވުމުގެ ހަބަރަކީ ކޮބާތަ؟” އަޒުރާ ތުއިގޮތަކަށް ހީލާފައިއާދަނުގެ މޭގައި ފިރުމާލަމުން ބުނެލިއެވެ.

“އަޒޫ މަށާ އިންނަންވީނު، އަހަންނަށް އެނގޭ އަޒޫއަށް ހުރިހާ ހަގީގަތެއް އެނގޭކަން، މިބުނީ މިގޭތެރޭ ހިނގާ ކަންތައްތައް އަޒޫއަށް ވަރަށް ރަނގަޅަށް އެނގެޔޭ، އަނެއްކާ އަޒޫ ކަހަލަ ކުއްޖަކަށް މިކަންވިސްނޭނީވެސް، އަހަރެންގެ ގައިގަވެސް ބާރުއެބަހުރި ދޯ، އެހެންވީމަ އެހެންނުވާނީ” އާދަނު ބުނެލިއެވެ.

“ދެން ތިބުނަނީ ބަޝީރާ އާދަނުގެ ހިތްއުފާކޮށެއް ނުދެއޭތަ” އަޒުރާ އާދަނުއަށް ބަލާލަމުން ބުނެލިއެވެ.

އާދަނުގެ އަނގައިން ކަމުގެ ހަގީގަތް ފަޅާއަރާކަށް މާގިނައިރެއް ނުނެގިއެވެ. އަޒުރާއަށް ޖެހުނީ ހަމަ ކުޑަ ކުޑަ ހިތްވަރެއްކޮއްލާށެވެ. އެއާއެކު މުޅިރަށަށް ސިއްރުވެފައިވާ ބަޝީރާގެ މަރުގެ ހަގީގަތް އާދަނުގެ ދުލުން ކިޔާދޭންފެށިއެވެ.

“ކޮންމެ ދުވަހެއްގެ މެންދުރު ކެއުން ނިންމާލާފަ ބަޝީރާ ދާނެ ފަންގިވިންނަ ގުރޫޕާއެކު ފަންގިވިންނަން، ގޮއްސަ އަންނާނީ އަސުރު ނަމާދަށް، އަޒޫއަށް އެނގޭތަ، ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ ބުނަނީ ހަމަ ހެޔޮކޮށް، މަށަކަށްވެސް ނޭގޭނެތާ އެދުވަހު ވިންނާނެ ފަންގިއެއް ނުހުންނާނެކަމެއް، އެދުވަހު ބަޝީރާ ގެއަށް އައީ އަސުރު ނަމާދަށް ގޮވުމުގެ މާކުރިން، އޭރު އަހަރެން ނަރީމާގެ ކޮޓަރީގައި މަސައްކަތުގައި ދާހިތްލާފޯވަނީ، ބަޝީރާ ހަޅޭލަވައިގަތް އަޑަށް ހޭވެރިކަމެއް ކިރިޔާވެސްވީ، ބަޝީރާ ވަގުތުން އަހަރެން ކައިރިން ވަރިއަށް އެދުނު، އެކަން މަނާ ކުރީ ނަރީމާ، އޭނަ ބުނީ ބަޝީރާއަށް އުނދަގޫވަންޏާ ނުބަލާށޭ….އަނެއްކޮޅުން ބަޝީރާ މަގޭ ކައިރިން ވަރިވެގެން އުޅޭނީ ކިހިނެތް، އޭނައަށް ހުރިހާ ކަމެއްކޮއްދޭން ހުރި ހަމައެކަނި މީހަކީ އަހަރެން، އޭގެ ފަހުން އަހަރުމެންނަށްވެސް ފެނުނީ ދަންޖެހިފަ ހުއްޓަ، އެކަންވެސް އެނިމުނީނު، ދެން އަޒޫ މަށާ އިންނަންވީނު، އަހަރެން ރާނީއެއް ފަދައިން އަޒޫ ގެންގުޅޭނަން، އަދި ބުނަން މިވާހަކަތައް ބޭޒާރުނުކުރާނެކަމުގެ ޔަގީންކަން އަޒޫއަށް އެބައޮތް….ރަނގަޅު ހަދިޔާއެއްވެސް ދޭނަން” އާދަނު ވާހަކަދެއްކިއެވެ.

“އަހަރެން ކީއްކުރަން އާދަނު ބޭޒާރު ކުރަންވީ، އާދަނުވެސް މަގޭ އަގު ހިފަހައްޓަމެއްނު” އަޒުރާ ހިނިތުންވެލަމުން ބުނެލިއެވެ.

އުޑުމަތިން ރަތްވިލާގެ ކުލަވަރު ދައްކާލިއިރު އަޒުރާ އަޝްހަރުގެ ސައިކަލު ފަހަތުގައި ގެއާއި ދިމާލަށް މިސްރާބުޖަހައިފިއެވެ. މާގިނައިރެއްނުވެ ގެއަށް އާދެވުމާއިކު އަޒުރާ ގޭދޮރުމަތީ އޭރުވެސް ބަލަން އިން އަޝްހަރަށް ތުއި ދެއްކެމުން ފަރިގޮތަކަށް ހިނގާލާފައި އައިސް ގޭތެރެއަށް ވަނެއެވެ. އަޒުރާއަށް އޭނަގެ ކޮޓަރިއަށް ވަދެވުމާއިއެކު އިތުރު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ކޮޓަރިތެރެ ސާފުވެފައި އޭނަގެ އެނދުގެ ތަންމަތި އާޅާފައި އޮތުމާއި އޭނަގެ ޑްރެސިންގ ޓޭބަލްމަތިވެސް ސާފުކޮށް އެއްޗެހިތައް ތަރުތީބުކޮއްލާފައި ހުރިތަން ފެނިފައެވެ. ލައިބާގެ ކުޅަދާނަ ކަމާއި މުރާލިކަމަށް ތައުރީފު ހައްޤުވާކަން ކުޑަ ސިކުންތު ކޮޅަކަށްވިޔަސް އަޒުރާގެ ހިތަށް އެރިއެވެ. ހިނިއައިސްފައި މުޅިކޮޓަރިއަށް ބަލަން އިރުކޮޅަކު އަޒުރާއަށް ހުރެވުނެވެ. އަދި ކަމެއް ހަނދާންވެގެން ދިޔަހެން ފާހާނާއާއި ދިމާލަށް ދިޔައެވެ. އާއެކެވެ. އޭނަ ބަލަން ބޭނުންވީ ލައިބާ އެތަނުގައި އޭނަ ބަހައްޓާފައި ދިޔަ އެއްޗެހިވެސް ނެގިތޯއެވެ. ހުރިހާ ކަމެއްވެސް ކޮއްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. އަޒުރާ ކޮޓަރިން ނުކުމެގެން ގޮސް ލައިބާގެ ކޮޓަރި ބަލާލިއެވެ. އޭރު ލައިބާ އޭނާގެ އެނދުގެ ބިއްދޮށަށް އެނބުރި ކުރުގެޅިލައިގެން އޮތެވެ. އަޒުރާ ގޮވާލަން ހިތައް އަރާފަ ދެފަހަރަކު އަނގަހުޅުވާލިއެއްކަމަކު ދެފަރާތަށް ބޯހޫރުވާލަމުން ކޮޓަރި ދޮރުލެއްޕިއެވެ. އަދި ބޮޑުއަށިމަތީ އިން ޔަޒާންއަށް ބަލާލާފައި ސުވާލުކޮއްލިއެވެ.

“ލައި ނިދާފަތަ؟” އަޒުރާ އަހާލިއެވެ. އޭނަ ލައިބާއަށް ލައިގެ ނަމުން މިފަހަކަށް އައިސް ގޮވާނުލާތާ ލައްކަ ދުވަސްވެއްޖެއެވެ.

“ނޭނގެ، ވެދާނެ ނިދީކަމަށްވެސް” ޔަޒާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

ހުންވައްތަރުވެ ގައިގާ ރިއްސާލާއިރަށް ލައިބާ ބަލަނީ އަވަހަށް ޕެނެޑޯލް ގުޅައެއް ކާލެވޭތޯއެވެ. ޑޮކްޓަރަށް ދާން ބޭނުންނުވާތީއެއްނޫނެވެ. އެކަމަށްވެސް އެދެން ޖެހޭނީ އަޒުރާގެ ގާތުންކަމަށް ވީތީއެވެ. މިހާރު ލައިބާ އެހާލުގައި އުޅޭތާ ތިންމަސްވެގެން ދިޔައީއެވެ. އެއްގޭތެރޭގައި އުޅޭއިރު އަޒުރާއަށް ލައިބާގެ ހާލު ބަލާލެވޭކަމަކަށްނުވެއެވެ. އެގޮތުން ހެނދުނު ސައިބޯން ބަދިގެ ފަރާތަށް އަޒުރާ އައިވަގުތެވެ. ގިފިލި ތެރެއިން މީހަކު އޯކަށްދެމޭއަޑުއިވޭތީ އޭނަ އެދިމާލަށް ދިޔައެވެ. އޭރު ގިފިލީގައި ބަހައްޓާފައި ހުރި ތިރިތައްޓަށް ގުދުވެއޮވެ ލައިބާ ހޮޑުލަނީއެވެ. ކައިރީގައި ފެންދާންޏެއް ނަގާފައި ހުއްޓެވެ. އަމިއްލައަށް މޭގައި ފިރުމަމުން އަނެއްއަތުން ބޮލުގެ އިސްތަށިތަށް މޫނުމައްޗަށް ވެރުނަނުދީ ހިފަހައްޓަމުން ލައިބާދިޔައެވެ. އެތަން ބަލަން ހުރި އަޒުރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ފާހަގަވިއެވެ. އޭނަ ތަފާތު ނަޒަރަކުން ލައިބާއަށް ބަލަމުންދިޔައެވެ. އެހެންނަމަވެސް ލައިބާ އެނބުރިލަންވާއިރަށް އަޒުރާ އަވަސް އަވަހަށް ގޮސް ބަދިގެތެރެއަށްވަދެއްޖެއެވެ. އޭނަ މޭޒުކައިރީގައި އިން ގޮނޑި ދަމާލާފައި އިށީނެވެ. ހީވަނީ ކޮންމެވެސް ފިކުރެއްގެ ތެރެއަށް ގެއްލިހުރެ އިށިންހެންނެވެ. ބަދިގެއަށްވަނީ ސައިބޯންކަންވެސް އަޒުރާ ހަނދާންނެތުނީ ކަންނޭގެއެވެ.

“ބަލީތަ؟” ފިކުރެއްގެ ތެރޭއިން އަޒުރާއަށް ލައިބާ ބަދިގެއަށް ވަނުމުން އަހާލެވުނެވެ.

“ނޫން” އަވަސް އަވަހަށް ލައިބާ ބުނެލިއެވެ.

“މަށަށް ސައިތައްޓެއް އަޅާބަލަ، ރޮށި ފިހުނިންތަ، ރަޒިއްޔާމެންގޭ ފޮނުވިއެއްނު މަސްވެސް، ލައިންކާނެ އެއްޗަކަށް ކޯއްޗެއް ހެދީ” އަޒުރާ ދާންބޭނުންވި މަޢުލޫ މަޑުޖައްސާލަމުން އެހެން ސުވާލުތައް ކުރަންފެށިއެވެ.

“ހޫމް…ހުރިހާ އެއްޗެއް ހެދިން، ރިހަވެސް ކައްކައިފިން، އެކަމަކު ގަރުދިޔައެއް ނުހުންނާނެ” ލައިބާ އަޒުރާއަށް ސައިހަދައިދޭން އުޅެމުން ބުނެލިއެވެ.

މައްސަލައެއްނެތޭ، މަމިއިނީ ވަރަށް ބަނޑުހައިވެފަ، އަވަސްކޮއްބަލަ” އަޒުރާ ގަސްދުގައި ރުންކުރުގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް އޭނައިނީ ލައިބާގެ ސިއްހަތާއި ދޭތެރޭ ސުވާލު އުފެދިފައެވެ. ސިކުނޑީގައި ހަޖަމުކުރަން ދަތި ހިޔާލުތަކެއް އެނބުރިގަތެވެ.

އެދުވަހަށްފަހު ހަފްތާއެއް ވޭތުވެގެން ދިޔައިރު ލައިބާއަށް ހުންނަނީ ފާޑަކަށް އުނދގޫވެފައެވެ. އެކަމަކު އެއީ އަޒުރާ އާއި ހެދިއެވެ. އޭނަ ހެނދުނު ލައިބާ ބަދިގެއަށް ވަދެއުޅޭގަޑީގައި އާދެއެވެ. އަނެއްކޮޅުން މެންދުރަށް ކައްކަން އުޅޭއިރުވެސް އާދެއެވެ. ލައިބާއަށް ހީވެފައި އޮންނަނީ އަޒުރާ އޭނަގެ ކަންތައްތަކަށް ފާރަލަނީކަމުގައެވެ. ކުއްލި ކުއްލިއަށް ލައިބާއާއި ދިމާލަށް ހަޅޭލަވައިގަނެ އެއްޗެހި ގޮވާ އަނިޔާކޮށް ހެދުން ތަންފުކެއް މަދުވެއްޖެއެވެ. އެހެންނަމަވެސް އަޒުރާ އެދަނީ ވަރުގަދަ ރޭވުމެއް ރާވާ ބޮޑު ހުޅުގަނޑެއް ޖެހުމަށް ދަރުއެއްކުރަމުންކަން ލައިބާއަށްވިސްނުނެވެ.

“އާދެބަލަ ތިކާއެއްޗެއް ކާން މިތަނަށް” އަޒުރާ މެންދުރުކާން ބަދިގޭގައި އިނދެ ލައިބާއަށް ގޮވާލިއެވެ. އެއާއިއެކު ބަދިގެ ބޭރުން ވަށައިރާނާފައި ހުރި ފާރުބުރީގައި ލެނގިލައިގެން ހުރި ލައިބާ ކުންނާރު އަޅާފައިވާ ކޮތަޅާއި އަތުގެ ތެރޭ ލޮނުއަޅާފައި އޮތް ކެޔޮފަތް ހިފައިގެން ބަދިގެތެރެއަށް ވަނެވެ.

“ކޯޗެއްތަ ތިކަނީ ކޮންމެ ދުވަހަކު މާވަރު ދައްކާފަ” އަޒުރާ ލައިބާގެ އަތުގައި ހުރި އެއްޗެހި ބަލާލިއެވެ.

“ކުންނާރާ ލޮނާ ޖަހައިގެން” ލައިބާ ފާޑަކަށް ބުނެލިއެވެ. އަޒުރާ މާރަނގަޅުވެގެން އޭނަ އާއި ވާހަކަދައްކަން މަސައްކަތްކުރާތިއެވެ.

“ކަލޭ ބަނޑުބޮޑީތަ” އަޒުރާ އެއްޗެއް ނުބުނެއިނދެފައި ކައިނިންމައިގެން ތެދުވެ ސިންކުދޮށުގައި އަތްދޮންނަން ހުރެ ބުނެލިއެވެ.

“ބަނޑުބޮޑޭ…ތިބުނީ ބަނޑުގަ ކުޑަކުއްޖަކު އޮންނަ ވާހަކަތަ؟ މަގޭބަނޑުގަ ދެން ކުޑަކުއްޖަކު އޮންނާނެތަ؟” ލައިބާއަށް ލިބުނީ ހައިރާންކަމެވެ. އޭނަގެ ސިކުނޑިއަކަށް އެއްގޮތަކަށްވެސް އެހެންވާންވި ސަބަބެއް ނުވިސްނުނެވެ. އަދި އަޒުރާ އެހެން ބުނަންވީ ސަބަބެއްވެސް ނޭގުނެވެ.

“ހޫނ….ދެން ވަރިހަމައޭ، ކަލޭ ބޭރަށް ނުކުމެ ހަދައިގެން ނުވާނެ މަނުބުނަނިސް، ދޭ ގޮސް ކޮޓަރީގަ އޮވޭ” އަޒުރާ ފުރަގަސްދީގެން ހުރެ ބުނެލިއެވެ.

ލައިބާ އަޒުރާއަށް ބަލާލަމުން ތުންއަނބުރާލިއެވެ. އަދި ތެދުވެގެން އޭނަ ކާންއިން އެއްޗެހި ހިފައިގެން ގޭތެރެއަށް ދިޔައެވެ. އަޒުރާ އެނބުރިލިއިރު ލައިބާ ދަނީއެވެ. އޭނަ ބަދިގެ ދޮރުމަތީ މަޑުކޮއްލީ ލައިބާ ގޭތެރެއަށް ވަންނަންދެންނެވެ. އޭނަ ވަންތަން ފެނުމާއިއެކު އަވަސް އަވަހަށް ބަދިގެތެރެއަށް ދެމިގަންނަމުން މޭޒުމަތީ ކާންވެގެން ބޭއްވި އޭނަގެ މޯބައިލް ފޯނުނަގާ ނަދީމާއަށް ގުޅާލިއެވެ.

“ކީއްކުރާ ހޯމްކިޓެއް، އަޒޫއަކަށް ބޭނުމެއްނުވާނެއެއްނު، އަނެއްކާ ކާކަށް ތިއުޅެނީ ހޯދަދޭންވެގެން” އަޒުރާ ދެއްކި ވާހަކައަށް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުންދިޔަ ނަދީމާ ޖަވާބުދެމުންދިޔައެވެ.

“މިއުޅެނީ ވަރަށް ބޮޑުކަމެއް ވެގެން، ފޯނުންނެއްނޫން، އޭގެ ކިޓެއް ހިފައިގެން އާދެބަލަ އަހަރުމެން ގެއަށް، ޑިއުޓީ ނިމޭނެއެއްނު އިރުކޮޅަކުން، ޕްލީޒް ނަދީ….ވަރަށް އާޖަންޓުކޮށް” އަޒުރާ ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ.

އަޒުރާއަށް އޭނަގެ ކޮޓަރި ތެރޭގައި ހުރިއިރުވެސް ވިސްނެނީ ލައިބާގެ ފަރާތުން ކުއްލިއަކަށް އޭނައަށް ފާހަގަކުރެވުނު ކަންތައްތަކެވެ. ހޮޑުނުލާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކާއެއްޗެހި ހަދަން އުޅޭއިރު ނުބައިވަސް ދުވާތީ މޭނުބައި ކުރާތީ އުޅެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކާލަ ކާލަ ހުންނަތަންވެސް އަޒުރާއަށް ފާހަގަ ކުރެވިއްޖެއެވެ. ތަންކޮޅެއް ކުރިން އޭނައަށް ލައިބާއަށް ސަމާލުކަމެއް ދެވުނުނަމައޭ ހިތްބުނަންފަށައިފިއެވެ. ލައިބާދެކެ ރުޅިއަންނަންވީކަމެއް ނޫނީ ދެން ހަދަންވީ ކިހިނެތްކަމެއް އަޒުރާއަކަށް ނުވިސްނެއެވެ. ކޮންމެގޮތެއްވިޔަސް ލައިބާ ބަލިވެ އިނދެއްޖެނަމަ މުޅި ރަށަށް ބޮޑު ބޭޒާރަކުން އަޒުރާމެން ބޭޒާރުވާނެކަން ގައިމެވެ. އެކަމަކު ލައިބާ ބަލިވެ އިންނަންވީ ކީއްވެހެއްޔެވެ. އަޒުރާ ކޮޓަރި ތެރޭ ދެކޮޅަށް  ހިނގާލަ ހިނގާލަ ހުރެ އަމިއްލަ ނަފްސާ އެކިއެކި ސުވާލުތައް ކުރަމުންދިޔައެވެ. ނަދީމާ އަންނާނީ ކިހާ އަވަހަކާއި ބާއޭ އަޒުރާ ހިތަށް އަރަމުންދިޔައެވެ. އޭނަ އެކަމަކަށް ބޭނުންވެފަ ހުރިވަރުން ގަޑީގެ ކަށިވެސް ހީވަނީ މާމަޑުން ހިނގާހެންނެވެ. ކޮންމެ ފަހަރަކު ކޮޓަރި ފާރުގައި ހުރި ގަޑި އަށާއި އަތުގައި އޮތް ފޯނުގެ ގަޑިއަށް ބަލާލައެވެ. އޭނަގެ ހީ ޔަގީނަކަށް ބަދަލުކުރެވެން އޮތީ ހަމަ ނަދީމާ އައި އިރަކުންނެވެ.

“އަޒޫ….އަޒޫ…” އަޒުރާގެ ކޮޓަރިދޮރުގައި ޓަކިދެމުން ނަދީމާ ގޮވާލިއެވެ. ހިތްއަވަސްވެފައިވާ އަޒުރާއަށް އަވަހަށް ދޮރުހުޅުވާލުމާއިއެކު ނަދީމާގެ އަތުގައި ހިފާ ކޮޓަރިތެރެއަށް ވެއްދިއެވެ.

“ކޮބާ، ގެނައިންތަ؟” އަޒުރާ ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި އަހާލިއެވެ.

ނަދީމާ އޭނާގެ އަތުގައި އޮތް ކޮތަޅު އަޒުރާއަށް ދިއްކޮއްލިއެވެ. އަޒުރާ ހާސްވެފަހުރިވަރުން ނަދީމާވެސް ކަންބޮޑުވިއެވެ. އަދި އަޒުރާއާއި އެކިއެކި ސުވާލުތައް ކުރަންފެށިއެވެ.

“ކިހިނެތްތައްވީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ، އޭރުންނޭ މަށަށްވެސް އެހީއެއް ފޯރުކޮއްދެވޭނީ، އެހެންނޫނަސް މީމަގޭ ދާއިރާއެއްނު…އަޒުރާ ތިއުޅޭގޮތުން އަހަރެން ބިރުގަންނަވަރުވޭ….” ނަދީމާ އަޒުރާގެ އަތުގައި ހިފައި ގެނެސް އެނދުގައި ބެއިންދިއެވެ.

“ނަދީ…އަހަންނަށް ހީވަނީ….ހީވަނީ….ނޫން…ނޫން، މިހާރު އަހަންނަށް ޔަގީން….” އަޒުރާ ވާހަކަދައްކަމުންދިޔައީ ލައިބާގެ ފަރާތުން އޭނައަށް ފެންނަމުންދިޔަ ކަންތައްތަކުގެ ތެރެއަށް ހިޔާލުދޫކޮއްލައިގެން އިނދެއެވެ. އަދިވެސް އެމަންޒަރުތައް އަޒުރާގެ ސިކުނޑީގައި ބުރުޖަހަމުންދަނީއެވެ.

“ބަލަ ކޮންކަމެއްތަ ހީނުވެ ޔަގީންވެގެން ތިއުޅެނީ؟” ނަދީމާ އަޒުރާގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއެވެ.

“ލައިބާ…އޭނަ….އޭނަ ބަނޑުބޮޑު، އަހަންނަށް މިހާރު ޔަގީން، އޭނަ އުޅޭގޮތުން އަހަންނަށް އެނގޭ އޭނަ އޭނދީ ބަލިވެކަން” އަޒުރާ ނަދީމާއަށް ބަލަން އިނދެ ބުނެލިއެވެ.

“ހަމަ އަސްލުވެސް، އެކަމަކު…ހާދަ ގަބޫލުނުކުރެވެޔޭ، ކީއްވެ؟ ކިހިނެތް؟ ކޮންއިރަކު އެނގުނީ؟ އަނެއްކާ އެކުއްޖާއަށް އެހެން ހެދީ ކާކޫކަން އިނގޭތަ؟” ނަދީމާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އޭނައަށްވެސް އެކިސުވާލުތައް ފައްޗަކަށް އަމުނާލެވުނީ އެޚަބަރަކީ އޭނައަށްވެސް ގަބޫލުކުރަން ދަތިވި  ޙަބަރަކަށްވުމުންނެވެ. ލައިބާފަދަ މަޑުމަޑުން ހުންނަ ގެއިން ބޭރަށް ނުނިކުމެ މީހުންނާއި އެކަހެރިކޮށް އުޅެމުންދާ ކުއްޖަކު ބަލިވެއިން ވާހަކަ އަޑުއިވުމީ ކޮންމެ މީހަކަށްވެސް ގަބޫލުކުރަންދަތިވާނެ ކަމެކެވެ.

“އަހަންނަކަށްވެސް ނޭގެ، އޭނަ އެހެން އުޅެފާނެޔޭ އަޅެ މީހަކު ހީވެސް ނުކުރާނެއެއްނު، އަންނާނަން އެކުއްޖާ ގަނޑު ގޮވައިގެން، އަދިވެސް ބޮޑަށް ޔަގީންކުރަންވެގެން ނަދީ ގާތު ބުނީ ހޯމްކިޓެއް ގެނެސްދިނުމަށް” އަޒުރާ ތެދުވަމުން ބުނެލިއެވެ. އަދި އަވަސް ހިނގުމުގައި ކޮޓަރިން ބޭރަށް ދިޔައެވެ.

“ކިހިނެތްތައްވީ؟” ލައިބާ އޭނަގެ އަތުގައި އަޒުރާ ހިފާދަމައިގަތުމުން ބުނެލިއެވެ. އެހެންމަވެސް އަޒުރާ ވަކިއެއްޗެއް ނުބުނެ ލައިބާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ގެންގޮސް އޭނަގެ ކޮޓަރިއަށްވެއްދިއެވެ. އޭރު ޔަޒާން އެގޭތެރެއަކުނެތެވެ. ގޭގަނެތިއްޔާ ޔަގީނުންވެސް އޭނަވާނީ ރަޒިއްޔާމެންގޭ ކުދިންނާއިއެކުއެވެ.

“އޭ އަޒޫ ހަމަޖެހިބަލަ، ލައި ދޫނީ އާދެބަލަ މިކޮޅަށް…އަޒޫ ތިތާ އިށީނދޭ” ނަދީމާ އަށް އަޒުރާ ލައިބާގެ އަތުގައި ހިފައިގެން އައިސް ކޮޓަރިތެރެއަށް އޭނަކޮއްޕާލިގޮތް ފެނުމުން ބުނެލިއެވެ.

ނަދީމާ ލައިބާ އޭނަގެ ކައިރިއަށް އައުމާއިއެކު ވާހަކަދައްކަންފެށިއެވެ. ލައިބާއަށް ނަދީމާގެ ވާހަކަތަކުގެ ތެރެއިންވެސް އިރުއިރުކޮޅާ ބަލާލެވެނީ އަޒުރާގެ މޫނަށެވެ. ނަދީމާ އޭނަގެ ގާތު އަހާ ސުވާލުތަކަށް ޖަވާބު ދޭންވީތޯ ލައިބާގެ ހިތަށް އަރަމުންދިޔައެވެ.

“ލައި، ވާހަކަ ދައްކަބަލަ….ދައްތަ މިކިޔާ އެއްޗެއް ލައިއަށް އެނގޭކަން ޔަގީން، ވީމަ ޖަވާބު ދީބަލަ” ނަދީމާ މަޑުމައިތިރިކަމާއިއެކު ވާހަކަދެއްކިއެވެ.

“މަށަށްތަ އެނގެނީ، މީނައެއްނު އެކިޔަނީ އަހަރެންގެ ބަނޑުގަ ކުއްޖެއް އޮތިއްޔޭ، މަށަކަށްނޭގެ…” ލައިބާ ފޫހިގޮތަކަށް ތުންއަނބުރާލަމުން ނަދީމާ އާއި އަޒުރާއަށް ފުރަގަސްދެމުން މެޔާދިމާލުން ދެއަތްހުރަސްކޮއްލިއެވެ. އޭނަ ގެ އެ ޢަމަލުން އޭނަހުރީ ހިތްހަމަ ނުޖެހިފައިކަން ނަދީމާއަށް އެނގުނެވެ. އެހެންވެ އިތުރަށް އޭނަވެސް ސުވާލެއްކުރަން ބޭނުންވީ އޭނަ ގެނައި ޓެސްޓު ކިޓުން ޗެކުކުރުމަށްފަހުއެވެ.

“މައްސަލައެއްނެތް، އާދޭ ފާހާނާއަށް، މިކަންތައް ކޮއްފަ ލައިބާ ދާންވީ، އެހާ ގިނައިރެއް ނުނަގާނެ” ނަދީމާ އިށީނދެ އިނދެފައި ތެދުވެ އޭނަ ގެނައި ކޮތަޅުނެގިއެވެ.

ލައިބާ ނުރުހިފައިހުރެވެސް ނަދީމާ އާއިއެކު އޭނަ ބުނިކަމެއް ކުރަން ދިޔައީ، އެކޮޓަރިން އަޒުރާގެ ކުރިމަތިން ދެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމުގައި ވާތީއެވެ. އޭނަ ފާހާނާއަށް ވަދެ ނަދީމާ ބުނިގޮތަށް ކަންތައްކުރިއެވެ. އަދި ފާހާނާއިން ނުކުމެގެން ދާން ހިނގައިގަތުމުން ނަދީމާ ލައިބާ ގާތު މަޑުކުރުމަށް އެދުނެވެ. އަދި އޭނަގެ އަތަށް ލައިބާ ދިއްކޮއްލި ޓެސްޓިން ކިޓަށް ބަލަހައްޓައިގެން ހުރެ ފާހާނާއިން ނުކުތެވެ. އަޒުރާއަކަށްވެސް އިތަރަށް މަޑަކުން ނީނދެވުނެވެ. އަވަސްފިޔަވަޅުގައި ނަދީމާގާތަށް އައިސް އޭނަގެ އަތުގައި އޮތް އެތި އަތުލާ ބަލާލިއެވެ.

“އަހަރެން ބުނީމެއްނު، ނަދީ އަހަރެން ބުނީމެއްނު، ދެން ކިހިނެތް ހަދާނީ…މިހިރަ ގޮތްކުޑަ ކުއްޖާޔާ ހެދި އަހަރެން ބޭޒާރުވެނިމޭކަށް ބޭނުމެއްނޫން….” އަޒުރާ ކުއްލިއަކަށް ލައިބާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. ލައިބާއަށްވެސް ހުއްޓުން އެރީ އެމީހުންނަށް އެނގި ޔަގީންވެގެން އުޅޭ ކަމެއް އޮޅުންފިލުވުމުގެ ބޭނުމުގައެވެ.

“ކާކުގެ ދަރިއެއްތޯއެއްނު ބަލަންވީ، އަނެއްކާ އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟” ނަދީމާ އަޒުރާއަށް ބުނެލިއެވެ.

“އޭ ކަލޭ ބުނޭ، ތީކާކުގެ ދަރިއެއް” އަޒުރާ ލައިބާގެ ކުރިމައްޗަށް ހުއްޓިހުރެ ބުނެލިއެވެ. ލައިބާއަށް ވެގެން އުޅޭގޮތެއް އެނގުނީ އަދިކިރިޔާއެވެ. އޭނައަށް ބޭއިޙްތިޔާރުގައި އަމިއްލަ ބަނޑުގައި އަތްޖައްސާލެވުނެވެ. އެއާއެކު އޭނަގެ ހިތާ ސިކުނޑި ނޭގޭ ބިރުވެރިކަމަކުން ވަށާލިކަހަލައެވެ. ސިހިގެން ދިޔައީ އަޒުރާގެ ހޫނު އަތްތިލަ އެކޯތާފަތުގައި ހޫނުކަމާއިއެކު އިޙްސާސްކުރެވިގެން ދިއުމުންނެވެ. އެހެންނަމަވެސް ލައިބާއަކަށް ތަދެއްނުވިއެވެ. އެއަށްވުރެ އޭނަހުރީ ބިރުގެންފައެވެ. ދެންވާނެ ގޮތެއްނޭގޭހާލުގައެވެ.

“އަޒުރާ…އަނިޔާނުކޮށްބަލަ، ތިހެން ހެދުމަކުން ވަކި މިކަންނުވާކަމަކަށް ނުވާނެއެއްނު…ރުޅި މަޑުކޮއްފަ ވިސްނަބަލަ، ލައިބާ ވާހަކަދައްކަން ފުރުޞަތުދީބަލަ” ނަދީމާވެސް ހުރީ ކަންބޮޑުވެފައެވެ. އެކަމަކު ލައިބާއަށް އަނިޔާކުރުން އެއީ ރަނގަޅު ހައްލުކަމުގައި ނަދީމާ ނުދެކުނެވެ.

“އޭނަ ބުނާނެތަ، ނުބުނާނެ…ބުނާނެނަމަ ގައިމު ހުރިހާ ކަމެއް ފަޅާއެރީމަ ދެން ބުނަންއެންމެ ރަނގަޅެއްނު، އަހަރުމެންނަށް ކިތަށްފަހަރު އެހިއްޖެ ބަނޑުގައި އޮތް ކުއްޖާގެ ބައްޕައަކީ ކާކުހޭ، ބޮޑުވެގަނެގެން ކާކާއެއްކޮށްކަމެއްވެސް ނޭގެ ކުރިހާކަމެއް ކުރީވެސް….ބޯހަލާކު ވާވަރުވޭ، މީހުންނަށް ދެއްކެންވެގެން ދޯ ކަލޭ މާ މަޑުމަޑުން ހުންނަ މީހަކަށް ހެދިގެން އުޅެނީ…” އަޒުރާގެ ރުޅި މަޑުވާގޮތެއް ނުވިއެވެ. ނަދީމާ އައިސް އަޒުރާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތުމަށް އުޅުނެވެ.

ހަވީރުގެ ގަޑިއަށް ވުމާއިއެކު ގޭދޮރުމަތީ ހަދާފައި ހުންނަ ޖޯލިފަތިތަކުގައި ނުކުމެތިބި އަވަށްޓެރިންނާއި ބޮޑުމަގުން އަތިރިމައްޗަށްދާ ނޫކަށިފުރައިގެ ދެޖިންސުގެ ކުދިންވަރަށްވެސް ގިނައެވެ. ހަމައެގޮތުން މޫދުން އަރައިގެން އަންނަ ބައިގަނޑު ގަނޑުވެސް ރަށުތެރެއަށް އަރައިގެންއަންނަނީ ބޮޑުމަގުންލާފައެވެ. ހުނުމުގެ އަޑާއި އަވަށްޓެރިންގެ ޗުކުޗުކުތެޅުވުމުގެ އަޑާއިއެކު މާހައުލަށްވެރިވެފައިވަނީ އާދަޔާއި ހިލާފު ހަލަބޮލިކަމެކެވެ. ނަދީމާ ގަދަކަމުން ކަހަލަ ގޮތަކަށް ގެއިން ނެރުނު އަޒުރާ ގޮވައިގެން މިސްރާބުޖެހީ އަތިރިމައްޗާ ދިމާލަށެވެ.

“ނަދީ މިކަމާހެދި އަހަރެންގެ ބޯފަޅައިގެން ހިގައިދާނެ، ހިތަށް އަރާ ނެރެ އެއްލާލަންވީއޭވެސް، އޭރުންވެސް ނުބައިވާނީ އަހަރެން….އަނެއްކާ މިއުޅެނީ މީހުންގެ ވާހަކަ ދައްކަން ނުވެސް އެނގޭމީހުން…ދެން ބުނެބަލަ މަށަށް މިކަމުގަ އެހީއެއްވެދެވޭނެތަ، ނޭގެ ކިތަށްމަސްކަމެއްވެސް، އަދިވެސް އޭނަ އެހުންނަނީ ގަދަކޮއްފަ ވާހަކަ ނުދައްކަންވެގެން…ގޮތްގޮތަށް އުޅެފަ ކަމެއްދިމާވީމަ ބަދުނާމު މިވަނީ އަހަރުމެން، އަހަރެން އަންހެން ދަރިއަކު ބޭނުންނުވަނީވެސް އެހެންވެއޭ، އެކަމަކު ކީއްކުރާނީ ހޯދަން ބޭނުންނުވިޔަސް މިއޮތީ މިކަންވެސް ބޮލުގައި އެޅިފަވިއްޔަ، އެވެސް އެންމެ ރެއަކު އެކަން ބޮލުގައި އެޅުނީމައޭ މިހާ ފޫހިވަނީ، ޔަޒާން ގޮތަށް އޭނަވެސް ފިރިހެން ކުއްޖަކަށް ވީނަމަ އަޅެ އަހަރެންގެ ބޮލަށް ކިހާ ފަސޭހަވާނެ….މި ދުއްޕާނެއް ނުޖެހުނީހެއްނު” އަޒުރާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ. އަތިރިމަތީގައި ހެދިފައިހުރި މަގޫގަސްތަކުގެ ކައިރީ ދޮންވެލި ގަނޑުމަތީ އިށީނދެލައިގެން ނަދީމާ އާއި އަޒުރާ ތިއްބެވެ. ދައްކަމުންދިޔަ ވާހަކައިގެ ހޫނުކަން އެތަނުގައި އުޅޭ އެހެންމީހުންނަށް އިވޭކަށް ހުދު އަޒުރާވެސް ބޭނުމެއްނުވެއެވެ. ކިތަންމެ ރުޅި އައިސްފައި އިނދެ ދަތްކުނޑި ވިކިއަސް އޭނަގެ އަނގައިން އަޑުބޭރުވަނީ ނަދީމާއަށް އިވޭވަރަށެވެ.

“އަޒޫ، މިހާރު ވިސްނަންވީ ލައިބާ އެކަމުން ސަލާމަތް ކުރަން، އަހަންނަށް ހިއެއްނުވޭ އެއީ އޭނައަށް އެނގިގެން ވީކަމެއްހެން، އޭނަވެސް ބޭނުމެއްނުވާނެދޯ އެހާ ޅައުމުރެއްގަ ބަލިވެ އިންނާކަށް، ކޮންމެވެސް މީހަކު އެކުއްޖާއަށް ލަނޑެއް ދިނީކަންނޭގެ، އެކަމަކު އެހެންވެސް ބުނާނީ ކިހިނެތް، އެއީ ގޭން ބޭރަށް ނުކުންނަ ކުއްޖެއްނޫން، މީހަކާ ވާހަކައެއް ދައްކާ ކުއްޖެއްނޫން، ރޭގަނޑު އެހާ އަވަހަށް ނިދާ، ދެން ކާކުބާ، އަނެއްކާ ގެއަށް އައިސް އުޅޭމީހެއްތަ….” ނަދީމާވެސް ވިސްނަމުންދިޔައީ ލައިބާގެ ހާލާދެތެރޭއެވެ.

ނަދީމާ އެންމެ ފަހުން ބުނެލި ޖުމްލައަކުން އަޒުރާއަށް ކުރީގެ ހަނދާނެއް އިޔާދަވެގެން ދިޔައެވެ. ލައިބާ އޭނަގެ ގާތު ރޮމުން ދެއްކިވާހަކަތަކެވެ. އެކަމުގެ ސަބަބުން އަޒުރާ އޭނައަށް ކުރި އަނިޔާތަކެވެ. އެދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދިޔަ މައްސަލައެވެ. އެކަމަކު ފަހުން ލައިބާގެ އެއްވެސް ޝަކުވާއެއް އަޒުރާ އާއި ހަމައަށް ނާދެއެވެ. މުޅިން ލައިބާ ބަދަލުވެގެންދިޔަކަންވެސް އަޒުރާއަށް ފާހަގަކުރެވިގެންދިޔައެވެ. އެކަމަކުވެސް އޭރު އޭނައަށް އަޅާނުލެވުނީއެވެ.

“ލައިބާގެ ވާހަކައިންވިއްޔާ މިހާރު އޭނަގެ ބަނޑަށް ދެމަސްފުރިދާނެ، އަހަރުމެން ތަންކަޅޮއް އަވަހަށް ފިޔަވަޅެއް ނާޅައިފިއްޔާ އެކަން ރަށުތެރެއަށް ބޭޒާރުވާކަށް ގިނަދުވަހެއް ނުނަގާނެ، ހިޝްމާ އާއި އަހަރެން ތިކަމުގަ މަޝްވަރާކޮއްލާނަން، ދެން މިއަދަކު ނުވާނެ، ދެތިންދުވަހެއްގެ ތެރޭ އަހަރެން ބޭސް ހޯދަނަން، އޭރުން ތިކަމުން ސަލާމަތްވެވިދާނެ…….އެކަމަކު ހައްތަހާވެސް ލައިބާގެ އުމުރު ޅަކަމުން، އެފަދަ ބާރުގަދަ ބޭސްތަކެއް ކާންދިނުމުން އޭނަގެ ހަށިގަނޑަށް ކޮންމެފަދަ ގެއްލުމެއްވެސް ލިބިދާނެ، އަޒޫއަށްވެސް މިކަން ހަމަ ރަނގަޅަށް އެނގޭނެ ކަންނޭގެ……” ނަދީމާ ވިސްނަމުން ވާހަކަދެއްކިއެވެ.

“މަށަށް އެނގޭ، އެކަމަކުވެސް ވަރިހަމަ، އެއަށްވުރެ މާހަޑިއެއްނު، މުޅި ރަށުތެރޭ އަޒުރާގެ އަންހެން ދަރި ނަހާލަށް ބަލިވެ އިނދެއްޖެޔޭ މީހުން ކިޔާ އަޑު އިވުނީމަ، ނަދީ ބޭސްތައް ގެނޭ އަހަރެން އޭނައަށް ކާންދޭނަން، އެބަނޑުގަ އެއޮތް ކުއްޖާ ވައްޓާލާނަން” އަޒުރާ ޔަގީން ކަމާއިއެކު ވާހަކަދެއްކިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމާއިއެކު ޔަޒާން ބަދިގެއިން ނުކުމެގެން ހިގައްޖެއެވެ. އޭރު ލައިބާ މޭޒުމަތީ ހުރި ތަށިތައްނެގުމަށް ތައްޔާރުވަނީއެވެ. ރިހަ ބޯތަށީގައި ބާކީ ހުރި ރިހަކޮޅު ތެއްޔަށް އަޅާލުމާއިއެކު އުނދުން ރޯކޮއްލީ ރިހަ ތެލި ހޫނުކޮއްލުމަށެވެ. އޭރު ގަނޑިން އަށްގަޑިބައިވަނީއެވެ. މިހާރު ލައިބާ އެކަނިމާއެކަނި ބަދިގެ ފަރާތުގައި އުޅެން ބިރެއްނުގަނެއެވެ. ކޮންމެ ކަމެއްވެސް އެއްގޮތްވާނެ ނޫންހެއްޔެވެ. ހަޑިވެފައި ހުރި ތަށިތައް ހިފައިގެން ސިންކުގެ ގާތަށް ލައިބާ ލެފިލިއެވެ. އަތްމަތި އަވަސްކޮއްލާފައި ހުއްޓެއްކަމަކު އޭނަ ކޮންމެ މަސައްކަތެއްވެސް ކުރަމުންދިޔައީ ނުހަނު ފަރުވާތެރިކަމާއިއެކުއެވެ. އެއްފަހަރާ ތިންހަތަރު ކަންތައް ކުރަމުންދިޔައީ އެއްވެސް ކަމަކަށް ބުރުލެއް ނާރާފަދަ ރޭވުންތެރިކޮށެވެ.

“ލައި……” ކުއްލިއަކަށް ފިރިހެނަކު ގޮވާލިއަޑު އިވުނެވެ. ރިހަތެލި ހަލާލުމަށް އުނދުނުގެ ކައިރީހުރި ލައިބާ ކުއްލިއަކަށް ބަދިގެ ދޮރާ ދިމާލަށް ބަލާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފެންނާކަށްނެތެވެ. އަނެއްކާވެސް ލައިބާ އޭނަ ކުރަންއުޅުނު މަސައްކަތައް އެނބުރި މަސްޢޫލުވެއްޖެއެވެ. އޭނަ އެކަމާއި އަޅާނުލިއެއް ކަމަކު އެއަޑަކީ މަދުންނަމަވެސް ލައިބާއަށް އަޑުއިވޭ އަޑެކެވެ. ދުވަހަކުވެސް މީހަކު ނުފެނެއެވެ. ހަމައެކަނި އިވެނީ ގޮވާލާއަޑެވެ. އަބަދުވެސް ގޮވާލަނީ ލައިބާ އެކަނި ހުންނަ ވަގުތު ތަކުގައެވެ. ކީއްވެކަމެއް ނޭގެއެވެ. ކުރީގައި އަޖައިބުވެގެން އަޑުއައި ދިމާލެއް ހޯދަން ފަރާތްފަރާތަށް އެނބުރުނަސް މިހާރު އެކަމަށްވެސް ލައިބާ އާދަވެއްޖެއެވެ. ގޮވާލީމާ ބަލާލައެވެ. މީހަކު ނެތުން އެއީ އޭނަގެ ކަމެއްނޫންވިއްޔާއެވެ.

ހުރިހާ ކަމެއް ނިންމާލުމަށްފަހު ބަދިގެ ބޮކި ނިވާ ދޮރު ލައްޕާލުމަށްފަހު ލައިބާ ހިނގައިގަތީ އެތެރެގެއަށް ވަނުމަށެވެ. އެހެންނަމަވެސް ލޮލުގެ ހިމަކޮޅުން ބަދިގެފަރާތުގައި ހައްދާފައިވާ ގަސްތަކާ ދިމާލުގައި ބޮޑު މީހަކު ހުރިހެން ލައިބާއަށް ހީވިއެވެ. ނުބަލަން ހުރެފަވެސް ގޭތެރެއަށް ވަންނަމުން ފަސްއެނބުރި ގަސްތަކާއި ދިމާލަށް ބަލާލިއެވެ. އަނދިރިކަމުން އެތަނަކުން އެއްޗެއް ވަކިވާވަރެއްނުވިއެވެ.

“ލައިބާ……..” ދޮރުހުޅުވާފައި ހުރި އަޒުރާގެ ކޮޓަރިތެރެއިން ލައިބާ ހުރަސްކެނޑިތަން ފެނި ގޮވާލިއެވެ.

ލައިބާއަށް އަޒުރާގެ އަޑުއިވުމާއިއެކު އެކޮޓަރި ދޮރުމަތީ މަޑުކޮއްލިއެވެ. އެހެންނަމަވެސް އަޒުރާ އިޝާރާތްކުރީ އެތެރެއަށްވަނުމަށެވެ. ވަންނަންޖެހުމުން ލައިބާގެ މޫނުމައްޗަށް ގިނަވައްތަރުތަކެއް ޖެއްސިއެވެ.

“އަން…….މިކާޑުން ދުވާލަކު ދެއިރު އެންމެ ގުޅައެއް ކާނީ……” އަޒުރާ އޭނަގެ ރީތިވާ މޭޒުކައިރީ އިށީނދެ އިނދެ ދިއްކޮލިއެވެ.

“މި ކީއްކުރާ ބޭހެއް” ލައިބާ ބޭސްކާޑުގައި ހިފަމުން ސުވާލުކޮއްލިއެވެ.

“ކަލޭ ތިހުރިހާ ކަމެއް ކޮއްފަވެސް އަދި ސުވާލުކުރަން ޖެހޭތަ، ބޭކާރު ވާހަކަ ނުދައްކާ މިތަނުން ދެންދޭ…ކޮޓަރިއަށް ގޮސް ނިދާ، ބޭރަށް ނުކުމެގެން ނުވާނެ…” އަޒުރާ ކުރީ އަމުރެވެ.

ލައިބާގޮސް އޭނަގެ ކޮޓަރިއަށް ވަތްއިރު ޔަޒާން އޭނަގެ އެނދުގައި އޮށޯވެލައިގެން އޮތެވެ. ލައިބާ އޭނައަށް މާބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިއަށް ވަތްގޮތަށް ތުވާލި ހިފައިގެންވަނީ ފާހާނާއަށެވެ. އޭނަ ނިދަން ތައްޔާރުވަނީއެވެ. ޔަޒާން ލައިބާގެ ހަރަކާތްތަކަށް ބަލަމުން ދާކަންވެސް އޭނައަށް އިނގެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތެވެ.

ފާހާނާގައި ހުރި ލައިބާ ގައިދޮވެލައިގެން ތުވާލި ނަގަން އެނބުރުނު ވަގުތު ފާހާނާގެ ފެންލައިޓުން ހިޔަންޏެއް ހުރަސް ކަނޑާލިތަންފެނުނެވެ. ލައިބާގެ ގައިން ހީބިހި ނަގައިގެން ދިޔަފަދަ ގޮތްތަކެއް އިޙްސާސްކުރުވިއެވެ. ކުޑައިރުކޮޅަކު ފެންލައިޓަށް ބަލަހައްޓައިގެން ހުރި ލައިބާ އަވަސްވެގަތީ ފާހާނާއިން ނުކުތުމަށެވެ. ނުކުންނަމުންވެސް އޭނައަށް ދެތިން ފަހަރަށް އެދިމާލަށް ބަލާލެވުނެވެ.

ލައިބާ ނިދަންލާ ހަރުވާޅާއި ހެދުން ލައިގެން އެނދަށް އަރާ އޮށޯތެވެ. ނަސީބަކުން ޔަޒާންއެއް އެކޮޓަރިއަކު އޭރު ނެތެވެ. އެގަޑީގައި ކޮޓަރީގައި ޔަޒާން ނެތިއްޔާ ދެންވާނީ ކޮންތާކުކަންވެސް ލައިބާއަށް އެނގެއެވެ. އޭނަ އަވަހަށް ދެލޯ މަރާލީ އަރާމު ނިދިކޮޅެއް ކުޑަވަގުތުކޮޅަކަށްވިޔަސް ލިބޭތޯއެވެ. ފަތިސްވާވަރަކަށް ޔަޒާންގެ އުނދަގޫތައް ބޮޑުވާނެތީއެވެ. އަދި ދުވާލު ހަތަރުދަމު ގޭތެރޭގެ ހުރިހާ ކަމެއް ކުރަން ޖެހުމާއިއެކު ލައިބާ ހުންނަނީ ވަރަށް ވަރުބަލިވެފައެވެ.

ލައިބާއަށް ނިދެމުން ދިޔައިރު އޭނަ މަޑުމަޑުން އޭނަގެ ބަނޑުގައި ހިފަހައްޓާލައިގެން އޮތެވެ. އެއީ މިހާރު އޭނަ އެންމެ ކަންބޮޑުވާ ކަންތަކެވެ. އަޒުރާ އޭނައަށް ހަދާނެގޮތެއްވެސް ނޭގެއެވެ. އޭނަގެ ވާހަކަ އަޑުއަހާނެ މީހަކުވެސް ނެތެވެ. އޭނަގެ ހާލު އެނގެން ބޭނުންވާ މީހަކުވެސް ނެތެވެ. ލުބާވެސް އޭނަގެ ކައިރިއަށް އައުން ހުއްޓާލީ ކަންނޭގެއެވެ. ލައިބާ އޭނައަށް މިދިމާވި އާކަންތައްތަކުގެ ވާހަކަ ލުބާ އާއި ހިއްސާކުރާހިތުން އޭނަވަނީ ކެތްތެރިކަން ކުޑަވެފައެވެ. ބައެއްފަހަރު އެގެއިން ނުކުމެގެން ދާންވެސް ލައިބާ ހިތަށް އަރައެވެ. އެކަމަކު ދާނީ ވަކި ކޮންތާކަށްހެއްޔެވެ. ލުބާ އުޅޭ ގެއެއްވެސް އޭނައަކަށް ނޭގެއެވެ. ހޯދަންވެސް ދެވޭނީ އެހެންނޫންނަމަ ތާއެވެ. އަނެއްކޮޅުން ލައިބާއަކަށް ރަށުތެރޭ ހިނގާކަށްވެސް ނޭގޭނެއެވެ. މިފަދަ އެކިއެކު ހިޔާލުގައި އޮއްވައި އޭނައަށް ނިދިއްޖެއެވެ.

“ޒާން…….އަހަރެން ވާހަކައެއް އަހާލަންތަ؟” އަޒުރާ ވާހަކަ ދެއްކީ އޭނަގެ އެނދުގައި އޮށޯވެލައިގެން އޮތް ޔަޒާން އާއިއެވެ. އެދެމީހުން އެކަކު އަނެކަކާއި ބަދަލު ކުރަމުންދިޔަ ބެލުންތަކުން އޭރު އެކޮޓަރީގައި ވަނީ އަޒުރާގެ ދަރިއެއްކަމެއް ހަމައެކަކަށްވެސް ނޭގޭނެއެވެ. އެހެނީ އެދެމެދުގެ ގުޅުން އެހާވެސް ގާތްކަން ފެންނަ ކޮންމެ މީހަކަށް އެނގޭހާވާނެއެވެ.

“ހޫމް……..މީގެ ކުރިން މަގޭ ކައިރީ ވާހަކައެއް ބުނަނީ އަހާފަތަ، ހަމަ ބުނަނީނު، ދެންވެސް ބުނެބަލަ” ޔަޒާން ބުނެލިއެވެ. އޭނައަށް މިހާރު ހީވާ ކަހަލައެވެ. އަޒުރާއަށް ދެން އޭނަ އާއި ނުލާ ނޫޅެވޭނެއެވެ.

” ޒާން……ޒާން ލައިބާއާއި ގާތްވަންތަ، ދޮގު ނުހަދައްޗޭ” އަޒުރާ ރީތިވާ މޭޒުކައިރީ އިނދެފައި ޔަޒާންއަށް ބަލާލަމުން އަހާލިއެވެ. އެކަމަކު އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އެއީ ޔަޒާން ގާތު އަހަން އެންމެ ރަނގަޅު ސުވާލުބާއެވެ.

“ސާބަސް…ތިކިޔޭ އެއްޗެއް އެބަ އިނގޭތަ، އަހަރެން ނޫޅެން ދެން މިކޮޓަރިއަށް އަންނާކަށް، މިދަނީ ދާން….މިއަށްވުރެ މާރަނގަޅުވީސް ކަންނޭގެ އެކޮޓަރީގަ ލައިބާ ކައިރީ އޮތަސް………” ޔަޒާންއަށް ލިބުނު ޝޮކު ފޮރުވާލީ ރުޅިންނެވެ. އޭނަ އަޒުރާދެކެ ރުޅިއައި ކަމަށް ހަދާލަމުން އެކޮޓަރިން ނުކުންނަން އަވަހަށް އުޅުނެވެ.

“ޒާން…ޒާން…އޭ މަޑުކޮއްބަލަ…އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ، ދެން ތިހާ ރުޅި އަންނާކަށް ނުވާނެއެއްނު، އަހަންނަށް އެނގޭ ޒާން ލައިދެކެ ވަރަށް ލޯބިވާކަން، އޭނައަށް ދެރަގޮތެއް ވާކަށް ނޭދޭނެކަން، ދެން ހަމަ ވާގޮތެއް ބަލާލީއޭ، މިހާރު ޔަގީންވެއްޖެ ޒާން އަހަރެން ނޫން މީހަކާ ކައިރިއެއް ނުވާނެކަން…” އަޒުރާ އަވަސް އަވަހަށް ގޮސް ޔަޒާންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އޭނަގެ މޭގައި ފިރުމަމުން ރުއްސަންވެގެން އެކި ވާހަކަދެއްކިއެވެ.

“ދެންވެސް ތިކަހަލަ އެއްޗެއް ނުބުނައްޗޭ، އަހަރެން ލޯބިވާ ހުންނާނީ ހަމަ އެންމެ ފަރާތެއް….” ޔަޒާން ރުޅި މަޑުކޮށް އަޒުރާއަށް ބަލާލިއެވެ. އަދި އެއަތުގެ ތެރެއަށް އަޒުރާ ގެނެސްލިޔެވެ.

އަޒުރާ ޔަޒާންގެ އަތުގެ ތެރެއިން ދުރަށް ދިޔައީ އޭނަގެ ފޯނު ރިންގުވާން ފެށިއަޑަށެވެ. އެފޯން ކޯލުވީ ރޭގަނޑުގެ މަޖާގަނޑަށް ތައްޔާރު ވުމަށް އައި ފޯންކޯލަކަށެވެ. އަޝްހަރު އޭނަ މިއަންނަނީ ކަމުގައި ބުންޏެވެ. އަދި ނަދީމާގެ މެސެޖުވެސް އަޒުރާއަށް ލިބުނެވެ. ހުރިހާ އެންމެން އާދައިގެ މަތިން އެގެއަށް ޖަމާވުމުގެ ސިގްނަލްތަށް ލިބުނީއެވެ.

ރޭގަނޑުގެ އެއްދަން ހުސްވިއިރު އަޒުރާމެން ގޭތެރޭގައި މަޖާގަނޑުވަނީ ފެށިފައެވެ. އެހެން ރޭތަކެކޭވެސް އެއްގޮތަށް ކަންތައްތައް ކުރިއަށް ދިޔައެވެ. އަޒުރާވެސް އިނީ ޝިޔާޒުގެ އުނގުތެރޭގައެވެ. މިރޭ އެންމެންގެ މެދުގައި ބައި އަޅަމުން ދިޔަ ރާތަށިތަކުން ތައްޓެއްގައި އަޒުރާ ނުހިފިއެވެ. އޭނަ ޝިޔާޒުގެ އުނގުތެރޭ އިނދެ ޝިޔާޒު އާއި ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ޝިޔާޒުއަކީ އެއްވެސް ރެއަކު މަސްތުވަންދެން ރާބޯމީހެއް ނޫނެވެ.

“އަޒޫ ހާދަ ޗޭންޖުހެން ހީވެޔޭ މިރޭ، ކިހިނެތްވީ” ޝިޔާޒު އަޒުރާގެ ބަނޑުގައި ކޮއްޓާލަމުން އަހާލިއެވެ.

“ޝިޔާޒް، އަހަރެންދެކެ ލޯބިވޭތަ؟” އަޒުރާ ކުރީ ދުވަހަކުވެސް އޭނަ ކޮއްފާނެހެން ހީވެސް ނުކުރާފަދަ ސުވާލެކެވެ.

“ކޮންކަހަލަ ސުވާލެއް ތީ، އަޒުރާ އަނެއްކާ ރަނގަޅުތަ، ނޫނީ ބަލީތަ” ޝިޔާޒުގެ ނިތަށް ރޫއަރުވާލަމުން އަޒުރާގެ ނިތުގައާއި ކަރުގައި އަތްލިއެވެ.

“އަހަރެން ރަނގަޅޭ، އަޅެ ބުނެބަލަ ޝިޔާޒު އެއްވެސް ވަރަކަށް ދުވަހަކުވެސް އަހަރެން ދެކެ ލޯބިވީންތަ، ހެޔޮ ފަޅި ސިކުންތަކަށްވިޔަސް” އަޒުރާ ކުރިއަށް ވުރެ ބޮޑަށް ޝިޔާޒުގެ މޫނާގާތްވެލަމުން އަހާލިއެވެ.

“އަޒޫ، ތެދަށް ބުނަންވީތަ؟ އަނެއްކާ އަހަންނަށް އަޒޫ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިދާނެއެއްނު، އެހެންނޫނަސް އަޒޫ ދާން ތިއުޅެނީ އަހަރެން އެހާ ގަޔާވަ މަޢުލޫއަކަށް ނޫން…އެހެންވާހަކައެއް ފައްޓަބަލަ، ވާހަކައަށްވުރެ ޢަމަލު ގިނަކުރަންވީނު…” ޝިޔާޒު އެއްގޮތަކަށްވެސް އަޒުރާ ކުރާ ސުވާލުތަކަށް ޖަވާބުދޭކަށް ބޭނުމެއްނޫނެވެ.

“ޕްލީޒް…މިހާރު ކޮންދުވަހެއް، އަހަރެން ޝިޔާޒު އާއި މިސުވާލުކުރަން ވަރަށް ބޭނުން، ކޮންމެ ރެއަކުވެސް ޝިޔާޒު އަހަރެން ކައިރިއަށް އާދޭ، އަހަރެން ނޫން އަންހެނަކާ ގާތެއް ނުވޭ، އެއީ ކީއްވެ، އަހަރެންގެ ހިތުގަވެސް ޝިޔާޒުއަށް ޙާއްސަކަމެއް ދެވޭ، އެހެންވެ އެސުވާލުގެ ޖަވާބު އަހަރެން ބޭނުންވަނީ….ޕްލީޒް ޝިޔާޒު ބުނެބަލަ” އަޒުރާ ޝިޔާޒުގެ ދެލޮލަށް ނަޒަރުހުއްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ.

“އަހަރެންނަށް އަޒޫ ޙާއްސަވީމައެއްނު މިއަންނަނީ، އެކަމަކު އަހަންނަށް އަހަރެންގެ އަންހެނުންވެސް މުހިއްމު، އަހަންނަކަށް އަހަރެންގެ އަނބިމީހާއެއް ދުލެއް ނުކުރެވޭނެ، އަދި ދެވަނަ ކައިވެންޏެއްވެސް ކުރާކަށް އަހަރެން ބޭނުމެއްނޫން، މިހާރު އަހަންނަކީ ފިރިހެން ދަރިއެއްގެ ބަފައެއް، އެކަމަކުވެސް މިއަންނީ ގައިމު އަޒޫ ޙާއްސަވީމައެއްނު، އަހަރެން އަޒޫ އެދޭ ކޮންމެ ކަމެއް ކޮއްދެނީ އަހަރެންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން…މިއަށްވުރެ ގާތްވާން އަޒޫ ބެނުންވާނަމަ އަހަންނަށް ބުނެވޭނީ މާފުކުރާށޭ، މިގުޅުން މިއޮތް އިމުގެ ތެރޭ ބާއްވަދޭށޭ…އަޒޫދެކެ އަހަރެން ލޯބިވޭ އެކަމަކު މިބުނި އިމުގެތެރެއިން…” ޝިޔާޒު އަޒުރާއަށް ވިސްނާދޭފަދަ ގޮތަކަށް ކިޔާދެމުންދިޔައެވެ. އޭނައަށްވެސް އަޒުރާ ކަމުދެއެވެ. އެހެންނަމަވެސް މައްސަލައަކީ އޭނައަށްވެސް އަޒުރާ އާއި ދިމާވީ އަޒުރާ އެފަދަ އަންހެނެއްގެ ގޮތުގައި ވަނިކޮށެވެ. އިއްފަތްތެރިކަމޭ ބުނާނެ އެއްވެސް އެއްޗެއް އޭނަގެ އަތުގައި ނެތެވެ. އަޒުރާގެ ނަން ފިރިހެނުންގެ ތެރޭ މަޝްހޫރުވެފައިވަނިކޮށެވެ. މުޅި ރަށުގަވެސް ހުރި އެންމެ ރީތި އަންހެނާއެވެ. ވީއިރު އޭނަ އާއި ގުޅެން ބޭނުންނުވާނި ކާކުހެއްޔެވެ. ޝިޔާޒުގެ މައްސަލައަކީ އަޒުރާއަކީ ހަށިވިއްކާ އަންހެނަކަށް ވީކަމެވެ. ފާޅުގައި އަޒުރާ އާއި އެކު އުޅެން ނުކެރެނީވެސް އެހެންވެއެވެ. އަޒުރާ މިހާރު ގޮސްފައެހެރީ އެނބުރި އާދެވޭ ވަރަށްވުރެ މާދުރަށެވެ. ޝިޔާޒު އޭނަ މިހާރު ގަބޫލު ކުރަނީވެސް އޭނަގެ އެހުރިހާ އުނިސިފަތަކަކާއިއެކުއެވެ. އޭނަގެ އަމިއްލަ ނަފްސަށް ދޮގުހަދާ އޮޅުވާލަން ބޭނުންނުވާނަމަ އޭނަވެސް ބުނަންބޭނުންވޭ އަޒުރާއަށް އޭނަ ބޭނުންވާކަމެވެ. އަޒުރާ ދެކިލާ އެހަށިގަނޑުން އުފާ ހޯދަން އޭނަވެސް ބޭނުންވާކަމެވެ. އެކަމަކު އެހެންމީހުންނާއި ހިލާފަށް އޭނަ އަޒުރާއަށް ގަދަރުކުރެއެވެ.

“އަހަންނަށް ޝިޔާޒު ވަރަށް ކަމުދޭ، އެކަމަކު މިދިމާވީ މާލަސްވިފަހުން…..” އަޒުރާ ޝިޔާޒުގެ މޭގައި މޫނު ފޮރުވާލިއެވެ. ޝިޔާޒު ބޮޑުއަށިމަތިން ފޭބިގޮތަށް އަޒުރާ އެބާރުގަދަ އަތުގެތެރޭ އުފުލާލިއެވެ. އަދި ގޮސްވަނީ އަޒުރާގެ ކޮޓަރިއަށެވެ.

ފަތިހުގެ ކޮވެލީގެ އަޑުއިވެންވިއިރު ގޭތެރެވަނީ ހަމަހިމޭންވެފައެވެ. އަޒުރާގެ ގާތުގައި އޮތް ޝިޔާޒުވެސް އޭރު ނުކުމެގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަޒުރާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އޭނަގެ ބޮލުގައި އޭރުވެސް އެއްވަރަކަށް ރިހުން ނުކެނޑި ތަދުވަމުންދިޔައެވެ. ނުތެދުވަން އޮތް އަޒުރާ ތެދުވީ ބޭސްގުޅައެއް ހޯދާށެވެ. ރީތިވާ މޭޒުގެ ވަތްގަނޑުން ޕެނެޑޯލް ގުޅައެއް ނެގުމަށްފަހު އެނދުކައިރީ ހުރި ފެންފުޅިނަގާ ބޭސްގުޅަ ކާލިއެވެ. އެއަށްފަހު ކުޑަވަގުތުކޮޅަކަށް އެނދުގައި ޖައްސާލައިގެން އޮތުމަށްފަހު، އަޒުރާ ކޮޓަރީގެ ދޮރުހުޅުވާލާފައި ނުކުތީ ޔަޒާން ކޮބާތޯ ބަލާލުމަށެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް ޝިޔާޒު ލިބޭކަށް ނެތެވެ. އޭނަ އަޒުރާގެ ހަޔާތަށް އެއްގޮތަކަށްވެސް އަންނާކަށް ބޭނުމެއްނުވެއެވެ. ވީއިރު އޭނަގެ ގާތުގައި އަބަދުމެ ދެގޮތެއްނުވެ ހުންނާނެ ހަމައެކަނި ފަރާތަކީ ޔަޒާން ކަމުގައި އޭނައަށް ވިސްނުނެވެ. އެހެނީ ޔަޒާން އުޅެނީ އޭނަ ބުނިހާ ގޮތެއް ހަދައިގެން ބުނިހާ ކަމެއް ކޮއްދީގެންނެވެ. އަޒުރާ ދޮރުން ނުކުންނަމުން އޭނަގެ ހަށިގަނޑަށް ބަލާލިއެވެ. އެހަށިގަނޑުގައި އެންމެ ކުރީގައިވި ޖޯޝާ ބާރެއް މިހާރަކު ނެތެވެ. ދުވަސްތައް މާޒީވެ ދާވަރަކަށް އޭނައަކީވެސް މުސްކުޅިވާނެ މީހެއްކަން އަޒުރާއަށް އެނގެއެވެ. އޭނަ އެންމެ ބިރުގަންނަނީ އެހެންވެ. އެދުވަހަކުން އޭނަ އެކަނި އުޅެން ޖެހިދާނެތީއެވެ.

އަޒުރާގެ ސިކުނޑީގައިވި ބިރުވެރި ހިޔާލުތައް ދުރުކޮއްދިނީ އޭނައަށް އިވުނު އަޑަކުންނެވެ. އެއީ ކޮންކަހަލަގެ އަޑެއްކަން އަޒުރާއަށް ވަގުތުން ނަގައިގަނެވުނެވެ. އޭނަ ބަލާލީ ޔަޒާން އާއި ލައިބާގެ ކޮޓަރިއަށެވެ. އެއަޑު އިވެނީ އެކޮޓަރިންކަމަށް ވީތީއެވެ. އަޒުރާ ހީކުރީ ނަދީމާމެން އަދިވެސް ނުދަނީ ކަމަށެވެ. ޔަގީނުންވެސް އަޒުރާގެ ކަންފަތަށް ފަނޑުކޮށްނަމަވެސް އިވެމުންދިޔައީ ޔަޒާންގެ އަޑެވެ. އަވަސް ފިޔަވަޅުތަކުގައި އަޒުރާ އެކޮޓަރި ކައިރިއަށް ގޮސް ހުއްޓުނެއްކަމަކު ދޮރުގެ ތަޅުގައި ހިފާ ހުޅުވާލީ ވަރަށްވެސް މަޑުމަޑުންނެވެ. ކުޑަކުޑަކޮށް ހުޅުވާލި ދޮރުން އަޒުރާ އެންމެ ފުރަތަމަވެސް ބަލާލީ ޔަޒާންގެ އެނދަށެވެ. އެތަނުގައި ޔަޒާންއެއްނެތެވެ. އަޒުރާ ކުރިއަށްވުރެ ބޮޑަށް ދޮރުހުޅުވާލި ވަގުތު އޭނަގެ ދެލޯ ބޮޑުވެގެންދިޔައެވެ. ކޮޓަރީގެ ތަޅުންގަނޑުމަތީ ވިއްސިފައިވަނީ ހަމައެކަނި ޔަޒާންގެ ގަމީހާ ސޯޓާއެއްޗިއްސެއްނޫނެވެ. އަޒުރާއަށް އަވަހަށް ލައިބާގެ އެނދާދިމާލަށް ބަލާލެވުނެވެ. ލައިބާ ވީކޮންތާކުކަން ވަގުތުން އަޒުރާއަށް ނަގައިގަނެވުނެވެ. އޭނައަށް ތަޅުންގަނޑުމަތީ ހަތަރެސްފައި ޖަހައިގެން އޮތް ޔަޒާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭރު ޔަޒާންގެ ދަށުގައި ހަރަކާތްކެނޑިފައިވާ ބުދެއްހެން ލައިބާ އޮތެވެ. އަޒުރާއަށް ހަޅޭލަވައިގަނެވެން އުޅުނެވެ. އެހެންނަމަވެސް އަވަސް އަވަހަށް އަނގަމަތީ އަތްއެޅުމަށްފަހު ކޮޓަރި ދޮރުލެއްޕިއެވެ. އޭނަ ދުވަމުން ކަހަލަ ގޮތަކަށް ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ.

އެތަށް އިރެއް ވީއިރުވެސް އަޒުރާއަށް ހަމައަކަށް ނޭޅެވުނެވެ. އެއީ ހަމަ ޔަޒާން ބާއޭ ގަބޫލުކުރަން އޭނައަށް އުނދަގޫވަނީއެވެ. ޔަޒާން އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ކެރުނީތީ އޭނަހުރީ އެކަމާ ރުޅި އައިސްފައެވެ. އަނެއްކޮޅުން ލައިބާދެކެ އައި ރުޅިވެސް މަޑެއްނޫނެވެ. ތަޅާ ތަޅާ މަރާލަންވިއްޔޭވެސް އަޒުރާގެ ހިތްބުނަމުންދިޔައެވެ. އޭނައަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުވިސްނެއެވެ. މީހާ ތުރުތުރު އަޅަން ފެށުމުން އެނދުގައި އިށީނެވެ. އެހެންވެސް އޭނައަކަށް ނީދެވުނެވެ. ފުއްމައިގެން ތެދުވިގޮތަށް އަތުގައި ހުރިބާރަކަށް ދޮރުހުޅުވާލަމުން ޔަޒާންގެ ނަމުން ހަޅޭލަވައިގަތެވެ.

އަޒުރާގެ އަޑުއިވުނު ހިނދު އެނދުކައިރީ ކޮޅަށްހުރި ޔަޒާންއަށްވުރެ ބޮޑަށް ތަޅުންގަނޑުމަތީއޮތް ލައިބާ ތެޅިގަތެވެ. އަދި އަވަސް އަވަހަށް އޭނަ ތެދުވިއެވެ. ޔަޒާން އޭނަގެ ފައިކައިރީ އޮތް ސޯޓު ބުރި ލަމުން އަވަސްވެގަތީ އަޒުރާގެ ގާތަށް ދާށެވެ. އެހާ ހެނދުނާ މީގެ ކުރިން ދުވަހަކުވެސް އަޒުރާގެ އަޑު އެގޭތެރެއިން އިވިފަކައިނެތެވެ. ޔަޒާންއަށް އަޒުރާގެ ކޮޓަރި ދޮރުމައްޗަށް އެރުނުއިރު އޭނަގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނިގެންދިޔައެވެ. އަޒުރާގެ ރަތްވެފައިވާ މޫނާ ރުޅިވެރިކަމުން ފުރިފައިވާ ދެލޮލާއެކު ގޮއްޖަހާލެވިފައިވާ ދެބުމަފެނި ޔަޒާންގެ ހަތަރެސްފައިވެސް ރޫރޫ އަޅާލިހެން ހީވިއެވެ.

“ކަލެއަށް ހަމަ ނޭގުނީތަ ތުނޫން ކަމެއްކުރަން، ބަލަ އެއީ ކަލޭގެ އެއްބަނޑު ކޮއްކޮކަމެއް ނޭގޭތަ؟ ގޮސް ހަތަރެސްފައި ޖަހައިގެން އޭނަގެ ގައިމައްޗަށް ޖެހިތިއޮންނަނީ…ކަލެއަށް ބޭނުންވާ ހުރިހާ ކަމެއް އަހަރެން ނުކޮއްދެނީތަ ތިހެން ތިއުޅެނީ، އަދި ލަދެއްނެތި މަށަށް ދޮގުވެސް ހަދައިފިއޭ…” އަޒުރާ ދޮރުމަތީ ހުރި ޔަޒާން އާއި ދިމާލަށް އެދިޔަބާރުމިނުގަ ގޮސް އޭނަގެ ކަންފަތްމަތީ ޖަހައިފިއެވެ.

“އޭ……..ތަދުވެޔޭ……..ކިޔާ އެއްޗެއް ކިޔާބަލަ އަނގައިން….އަހަރެން އަޑު އަހާފާނަމޭ” ވީތަދުން ޔަޒާން ގެ ގާތަށްވެސް އައީ ރުޅިއެވެ. އޭނައަކީވެސް މިހާރު އެގާރަ ބާރައަހަރުގެ ކުޑަކުއްޖެއް ނޫނެވެ. އަތްފައިގައި މިއަދު ބާރު އެބަހުއްޓެވެ. އުމުރުން ސޯޅަ އަހަރު ފުރި މިހާރު މިއޮތީ ސަތާރަ އަހަރަށެވެ. ޔާޒާންގެ ހަށިގަނޑުވެސް ކުރީގަހާ ނިކަމެއްޗެއްނޫނެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު އަޒުރާގެ ގާތުގައި އޭނަ ހުންނައިރު އޭނަގެ ކޮނޑާއި ހަމައަށް އަޒުރާގެ ބޯއަރަނީ ކިރިޔާއެވެ.

“މަށަށް ގޮތްކިޔާދޭންތަ ތިއުޅެނީ، ބަލަ އަހަރެން ބޭނުމިއްޔާ ޖަހަންވެސް ޖެހޭނެ…އަހަރެންނޭ ކަލޭމެން ބަލާ ތިވަރު ކުރީ، އަހަރެން ބޭނުންކަމެއް ކުރެވިދާނެ…” އަޒުރާ އަނެއްކާވެސް ޔަޒާން އާއި ދިމާލަށް އަތްމަޅާލިއެވެ.

ޔަޒާން ބަލަން ނުހުރެ އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަޒުރާ އޭނަގެ ފަހަތުން ހަޅޭލަވަމުން ދިޔައެވެ. އެމީހުންނަށް ކޮޓަރިއަށް ވަދެވުނުއިރު ލައިބާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. މޫނުމަތިންނާއި އިސްތަށިގަނޑުން އޭނަ ފެންވަރައިގެން ނުކުތީ ދެންމެ ކަން އެނގެންހުއްޓެވެ. ޔަޒާން ކޮޓަރިއަށް ވަތްގޮތަށް އޭނަގެ އެނދުމައްޗަށް ވެއްޓިގަނެ ބޮލުގައި ބާލީސް އަޅާ ދެކަންފަތް ނިވާކުރިއެވެ. އެހުރިހާ ކަމެއްގެ ސަބަބުން ރުޅި ގަދަވަމުންދިޔަ އަޒުރާއަށް ލައިބާ ފެނުމުން ހީވީ އަލިފާނަށް ތެޔޮއުކިހެންނެވެ. ދަތްކުނޑިވިކަމުން އައިސް އޭނަ ހިފީ ލައިބާގެ އިސްތަށިގަނޑުގައެވެ. އެހިފިގޮތަށް ހިފާ ދަމައިގަތްގަތީނުން ލައިބާ ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. އަދި ފައިކުރުކޮއްލަމުން ލައިބާގެ ގައިގާ ފައިންތަޅައިގަތެވެ. އެވަރުން ނުފުދިގެން އޭނަގެ އަންނައުނު ވީދާ ކުދިކުރަންވެސް އޭނަ މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް ދެމޭފޮއްޗަށް ވުމާއިއެކު އިރާލުން އެހާ ފަސޭހަކަމަކަށް އަޒުރާއަކަށް ނުވިއެވެ. އެކަމާވެސް އޭނަގެ ރުޅިވީ ގަދައެވެ.

ލައިބާގެ ބިރުވެރި ހަޅޭކުގެ އަޑު މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. އަޒުރާ އޭނަގެ ހަތަރެސްފައިން މޮޔައަކުހެން ލައިބާގެ ގައިގާ ތަޅަނީއެވެ. އެކުއްޖާގެ ގައިން ހަންދަމާލަން އުޅޭކަހަލައެވެ. އެނދުގައި އޮތް ޔަޒާންއަށް ކަންފަތުގައި ބާލީސް އަޅައިގެނެއް ނޯވެވުނެވެ. އޭނަ ފުންމައިގެން އައިގޮތެއް ނޭގުނެއެވެ. ކުއްލިއަކަށް ފެނުނީ އަޒުރާ ދުރަށް ކޮއްޕާލިތަނެވެ.

“ކަލޭ މޮޔަވީތަ، ތިހެން ނުހަދާ އޭނަ މަރާލަން ބޭނުންވަންޏާ އެއްފަހަރުން މަރާލަންވީނު، ކަލޭގެވެސް ބޮލަށް ފަސޭހަވާނެއެއްނު، އޭރުން ކަލެއަށް އަހަރެންވެސް ލިބުނީނު” ޔަޒާން ތަޅުންގަނޑުމަތީ ދެމިފައިއޮތް ލައިބާގެ ކުރިމަތީ ހުއްޓިހުރެ ވާހަކަދެއްކިއެވެ.

“ދުރައްދޭ މަގޭ ކުރިމަތިން، ކަލޭމެން ދެމީހުން ރާވައިގެން ކުރާ ކަމެއްކަން ޔަގީން މިހާރު….ކަލޭގެ ދަރިއަކަށް ދޯ އޭނަ ބަލިވެ އޭނީ، ބޯހަލާކު…ހިތަކަށް ނޭރިތަ އެއީ ކަލޭގެ ކޮއްކޮ ކަމެއް، އޭނަ އާއިއެކު ތިގޮތަށް އުޅޭކަށް ނުވާނެކަން…” އަޒުރާގެ ވާހަކަތައް ޔަޒާން މެދުކަނޑާލިއެވެ.

“އާ ވަރަށް ރަނގަޅު….ތިހެން ބުނަން އެންމެ ރަނގަޅީ ކަލޭ…..ތީ މަގޭ މަންމަ، އެކަމަކު މިއަދު އަހަރެން މިކުރާ ހުރިހާ ކަމެއް ދަސްކުރީ ކަލޭގެ ކައިރިން، ދަސްކޮއްދިނީ ހުދު ކަލޭ އަމިއްލައަށް، އަދިވެސް ކަލޭ މަށަށް ބޭނުންވޭ…މަންމަ އަކު ދަރިމަތިން ހަދާންނައްތާލިއިރު އަހަރެންނަށް އެއީ އަހަރެންގެ ކޮއްކޮކަން ހަނދާންނައްތާލާކަށް އެއީ އުނދަގޫކަމަށް ނުވާނެއެއްނު، އެހެންނޫނަސް މަށެއް ނުދެކެން މިހާރު މަގޭ މަންމައަކު ހުންނަކަމެއް، ތީ މިހާރު މީނަ ކަހަލަ އަހަރެންގެ ލޯބިވެރިއެއް….” ޔަޒާން ލައިބާއަށް ބަލާލަމުން އަޒުރާއަށް ބަލާލިއެވެ.

އަޒުރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިއަދު އޭނަ އާއި އިދިކޮޅަށް ބަސްބުނަމުން އެދަނީ ހަމަ ޔަޒާން ބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަޒުރާ ރުޅިއައިސް ފުފިފާ ހުރެގެން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. އެއާއެކު ޔަޒާން ލައިބާއަށް ބަލާލިއެވެ. އޭނަ ގުޑިވެސް ނުލާ ރޯލަ ރޯލާ ތަޅުންމަތީ އޮތެވެ. ޔަޒާން އަނެއްކާވެސް އޭނަގެ އެނދުގައި އިށީނެވެ. އަދި ލައިބާ އާއި ސުވާލު ކުރަންފެށިއެވެ.

“ކީއްވެ މަގޭ ކައިރީ ނުބުނީ” ޔަޒާން ސުވާލު ކުރީ ކޮންކަމަކާކަން ލައިބާއަށް އެނގުނެވެ.

“ކީއްކުރަން ބުނަނީ، މިގޭ މީހުން ކައިރީ އެއްވެސް ވާހަކައެއް ބުނެގެން އަޑުއަހާތަ” ލައިބާ ރޮމުން ރޮމުން ބުންޏެވެ.

“އެހެންވިޔަސް ބުނަން ޖެހޭނެ” ޔަޒާންވެސް ރުޅި މަޑެއްނުވެއެވެ.

“މީ ކަލެއާ ހެދި ވީގޮތެއް…އަހަރެން އަމިއްލައަށް ކުރިކަމެއްނޫން މީ، ކަލެއާ ހެދި އެމީހުން ބުނަނީ އަހަރެންގެ ބަނޑުގަ ކުއްޖަކު އެބައޮތޭ” ލައިބާ ގިސްލަމުން ކަހަލަގޮތަކަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. އޭނަގެ އަޑު ބައެއް ފަހަރަށް ގަދަވެފައި ގިސްލުމާއިއެކު ހިނދިގެން ދެއެވެ.

ޔަޒާން އޭނަގެ އެނދުގައި މުއްކަވާފައި ޖެހުމަށްފަހު ތެދުވެގެން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭރު އޭނަގެ އަތުގައި، ދޮރުން ނުކުންނަމުން ހަރުގަނޑުން ދަމައިގަތް ޓީޝާރޓުއޮތެވެ. އެހެން އެއްވެސް ކަމަކާ ފަރުވާލެއްނެތި އޭނަބެލީ އެގެއިންވެސް ނުކުމެވޭތޯއެވެ. އެކޮޓަރިން ނުކުމެގެން ދިޔަ އަޒުރާ އެނބުރި އައީ ބޮޑުވަޅިއެއް ހިފައިގެންނެވެ. ގުޑިލަން ނުކެރިފައި އޮތް ލައިބާއަށް ބިރުން ތެޅިގަނެވުނެވެ.

“ތިހެން ނުހަދާ…އާދޭސްކޮއްފަ މިބުނީ، ތިހެން ނުހަދާ…” ލައިބާ ބާރަށް އަނެއްކާވެސް ރޯންފެށިއެވެ.

އަޒުރާ ބަލާލުމެއްނެތި ލައިބާގެ އިސްތަށިގަނޑުގައި ހިފާ ވަޅިކާތަމުން އިސްތަށިތައް ބުރިބުރި ކުރަމުންދިޔައެވެ. ލައިބާ ތެޅިފޮޅެނީއެވެ. އެހެންނުހެދުމަށް އެދި އާދޭސްކޮށް އަޒުރާގެ އަތް ހުއްޓުވަން އުޅުނެވެ. އެހެންއުޅުމުގެ ތެރޭ ވަޅީގެ މިޔަދޭތެރެއަށް ވަތް ލައިބާގެ އަތްތިލައިން ފޮއްޗަކަށް ބައެއް ކަފައިގެން ގޮސް ލޭއަންނަންފެށިއެވެ. އެވަރުންވެސް އަޒުރާ ހުއްޓައެއްނުލައެވެ. އޭނަ ހުއްޓާލިއިރު ލައިބާގެ ބޮލުގައި އިސްތަށި ހުރީ ތަންތަންކޮޅުގައެވެ. އެވެސް ކިރިޔާ ހުރިކަމެވެ. އަނެއްބައި ތަންތަންކޮޅުން ބޮލުގެ ހަންގަނޑު ފެންނަން ހުއްޓެވެ. އަދި ބޮލުގެ ތަންތަންކޮޅުންވެސް އޭރު ލޭއަންނަމުން ދިޔައެވެ.

“ދެންކަލޭ އޮވޭ، މަބަލާނަން ކަލެއަށް ކިހާވަރަކަށްތޯ ފިރިހެނުންނަށް ތިއްތި ދެއްކެނީ….ކަލޭ ހީކުރީ ކަލޭގެ އަވައިގަ ޔަޒާން ޖެހުނަ ދޭނެކަމަށްތަ، މަވަރުގެ ނުބައި މީހެއް ނުފެނިގެން ކަލޭ ތިއުޅެނީ….” ލައިބާ އާއި ދިމާލަށް ގުދުވެއޮތް އަޒުރާ މާނޭވާ ލަމުން ތެދުވިއެވެ. އަދި ލައިބާއަށް ބަލަން ހިނދުކޮޅަކު ހުރުމަށްފަހު އޭނަ އާއި ދިމާލަށް ކުޅުޖަހާފައި ނުކުމެގެން ހިނގައްޖެއެވެ. ކުރިއަށްވުރެ ބާރަށް މިހާރު ލައިބާ ރޮމުންދިޔައެވެ. ބާރު ބާރަށް ލުބާއަށް އޭނަ ގޮވަން ފެށިއެވެ. އޭނައަށް އެހީތެރިވުމަށް އެދިއެވެ. މިއަދު އޭނަ ދުވަހަކުވެސް ލުބާއަށް ބޭނުންނުވާވަރަށް ބޭނުންވެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތަށް އެތަށް ފަހަރަކު އޭނަ ލުބާގެ ނަމުން ގޮވަމުންދިޔައެވެ. އެއާއެކު ކުއްލިއަކަށް މުޅި ބިންގަނޑުވެސް ހީވީ ގުޑައިގެންދިޔަހެންނެވެ. ފުރާޅުމައްޗަށް އައިސް ބޮޑު އެއްޗެއް ޖެހިގެން އަޑުއިވުނެވެ. ލައިބާގެ އަޑުބަންދުވެގެންދިޔައެވެ. އިވެންފެށިއަޑުތަކުގެ ސަބަބުންނެވެ.                                   

އަޒުރާ ސިޓިން ރޫމުތެރޭގައި ހުރި ފުޅިތައް ބަލަމުންދިޔައެވެ. ރޭގައި ގެނައިތަނުން އެތިފޮދެއް އެއިން ފުޅިއެއްގައި ބާކީވިތޯ ބެލުމަށެވެ. އޭނަގެ ނަސީބުވެސް ރަނގަޅީއެވެ. އަޝްހަރު ގެނައިތަނުން ހަމަ އެންމެ ފުޅިއެއްބާކީވެފައި އިނެވެ. އަޒުރާ ހީވީ އެތަށް ދުވަހެއްވަންދެން ކަރުހިއްކައިގަނެފައިވާ މީހެއްހެންނެވެ. އޭނަ ފުޅި ނެގިގޮތަށް ތުނބުގައި ޖެހިއެވެ. އަދި ދެލޯ މަރާލުމާއިއެކު އެއްފަހަރާ ދެތިން ކޯވަރު ބޯލިއެވެ. އަޒުރާ ހަމަނޭވާ ލީވެސް ދެނެވެ. އޭނަ އެތެރެގޭ ދޮރުހުޅުވާލިއެވެ. އޭރު ގޯތިތެރެވަނީ އިރުގެ އަލިން ދޮންކޮއްލާފައެވެ. ގަޑިން ހަތްގަޑިބައިވެ އަށެއްޖަހަނީއެވެ. އަޒުރާ ބަދިގެ ފަރާތަށް ނުކުތީ ހަމަވައިލިބި މީހާ ހަމައަކަށް އެޅުމަށެވެ. ދެވަނަ ފަހަރަށް ތުނބުގައި ޖަހަން ފުޅި ނެގިތަނާހެން އޭނަގެ އަތުގައިވެސް ލޭހުއްޓައި ފެނުނެވެ. އަވަސް އަވަހަށް މުޅިއަތަށް ބަލާލެވުނެވެ. އެކަމަކު އެއީ އޭނަގެ ލެއެއްނޫނެވެ. ޗޮކެއް ކަނޑާލުމާއިއެކު އޭނަ ފުޅީގައި ތުންޖެހިއެވެ.

އަޒުރާ ހައްވަދައިތަ ބަދިގެ ފަރާތަށް ނުކުމެ އުޅޭތޯ އެގޭ ފާރުބުރިމަތިން ބަލާލިއެވެ. އަދި ދެފަހަރަކު ހައްވަދައިތައަށް ގޮވާލުމުންވެސް ހިލަމެއް ނުވިއެވެ. އަޒުރާ ފަރުވާކުޑަގޮތަކަށް އައިސް އޭނަގެ އަތުގައި މިހާރު ހުސްވެފައި އޮތްފުޅި ކުނި ގޯންޏަށް ލިއެވެ. އެވަގުތު ގަސްތަކުގެ ތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވި އެދިމާ ބަލާލިއެވެ. ބޮޑަށް ހީވީ ރުކުން ކުރުނބައެއް ވެއްޓުނު ހެންނެވެ. އަޒުރާ މާބޮޑު ކަމަކަށް ނުހަދާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. އެވަގުތު ކުންނާރު ގަހުގައި އަޅާފައި ހުރިއްޔާ ހުރި ކުންނާރެއް ގަސްތެޅިލުމާއިއެކު ބިންމައްޗަށް ވެރުނެވެ. އެއަޑުއިވި އަޒުރާއަށް ފަސްއެނބުރި ބަލާލާނެ ވަގުތެއް ނުލިބުނެވެ. ކޮންމެވެސް މީހަކު އޭނަގެ ހުޅިޖަހާލެވިފައިވާ އިސްތަށިގަނޑުގައި ހިފާ މައްޗަށް ވާގޮތަށް ވާންކޮއްލިއެވެ.

“ކާކު…އައްދޯއި” އަޒުރާއަށް ކުއްލިއަކަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

ކުއްލިއަކަށް އަޒުރާގެ އަނގަމަތީ ނުފެންނަ އަތަކުން އަތްއަޅާ ހިފަހައްޓާލިއެވެ. އޭރު އަޒުރާގެ އިސްތިށިގަނޑަށް ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ވާންވަމުންނެވެ. އަޒުރާ ފައިގެ އިނގިލިތަކުގެ ކޮޅުޖައްސަމުން ކޮރާލީ އޭނަގެ ވާންވަމުންދިޔަ އިސްތަށިގަނޑަށް ދުލެއް ލިބޭތޯއެވެ. އެކަމަކު ހީވަނީ މީހަކު އޭނަގެ އިސްތަށިގަނޑުގައި ހިފާ ބިމުން މައްޗަށް އުފުލާލަން އުޅޭހެންނެވެ. ތަދުވެގެންގޮސް އަޒުރާ ތެޅިފޮޅެނީއެވެ. އެއްފަހަރު އަނގަމަތީ އަތްހާކަމުންދެއެވެ. އަނެއްފަހަރު އިސްތަށިގަނޑުގައި އަތްލަމުން އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔައެވެ. އޭނަގެ ހިތަށް ނޭގެ ބިރުވެރިކަމެއް ވަދެގެން ދިޔައީ އެކަކުވެސް ފެންނަންނެތީމައެވެ. އެކަމަކު އޭނަގެ އަނގަމަތީ މީހަކު ހިފަހައްޓައިގެން ހުރިކަމާއި އިސްތަށިގަނޑުގައި ހިފާ މައްޗަށް އުފުލަމުން ދިޔަކަން އޭނައަށް އިޙްސާސްވަމުންދިޔައެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭ އަޒުރާ ބިމުން މައްޗަށް ހިއްލާލާފައި ހުއްޓެވެ. އަދި އޭނަގެ ދެލޯ ރަތްވެގެންގޮސް ހީވަނީ ނުކުމެދާނެހެންނެވެ. މުޅި މޫނުވެސް ރަތްވަމުންދިޔައެވެ. އެވަގުތު އޭނަ ހުރިގޮތް ފެންނަ މީހެއްގެ ހިތަށް ބިރުވެރިކަން ވަންނަވަރުވެއެވެ. އަޒުރާ އޭނަގެ އިސްތަށިގަނޑުގެ ބާރުގައި އެލިފައި ހުރެގެން ތެޅިފޮޅެނީއެވެ. އޭނަގެ އަނގަހުޅުވޭތަނެއް ނުފެނެއެވެ. އޭނަގެ ވަށައިގެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ތެޅެމުންދަނިކޮށް ކުލިއަކަށް އިވުނީ ބާފޮތިގަނޑެއް ކަހަލަ އެއްޗެއް އިރާލިކަހަލަ އަޑެކެވެ. އެއާއެކު ފެނުނީ އަޒުރާ ބިންމައްޗަށް ވެއްޓުނުތަނެވެ. ގުޅައަކަށްވެއްޓުނުގޮތައް އަޒުރާ އޮތީ ގުޑިލަންވެސް ނޭގިފައެވެ. އޭރު އޭނަގެ ދެލޮލުން ކަރުނަ އައިސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މަޑުމަޑުން އަތްގެންގޮސް ބޮލުގައި އަތްލިއެވެ. އެއާއެކު އޭނަގެ އަތަށް އިސްތަށިތައް އައެވެ. އިންތިހާ ދަރަޖައަށް ބިރުގަނެފައިވުމުން އަޒުރާ އޭނަގެ ހަށިގަނޑުގައި ބާކީހުރިއްޔާ ހުރި ހަކަތައެއް ދެއަތަށް ލަމުން ތެދުވިއެވެ. އެހެންނަމަވެސް އޭނައަށް ރަނގަޅަށް ތެދުވެވުނީ ވެއްޓެމުން ކަހަލަ ގޮތަކަށެވެ. ބާރު ހަޅޭކެއް އަޒުރާގެ އަނގައިން ނުކުތެވެ. އޭރު އޭނަ ހުރީ ބިންމައްޗަށް ބަލަހައްޓައިގެންނެވެ. އެގޮތަށް މާގިނައިރަކު ނުހުއްޓެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެތެރެގޭ ތެރެއަށް ދުއްވައިގަތެވެ. ބިންމަތީގައިވަނީ އަޒުރާގެ އިސްތަށިގަނޑުގެ ބޮޑުބައެކެވެ.

އަޒުރާއަށް އެތެރެއަށް ވަދެވުމާއިއެކު ދޮރުލައްޕާ ތަޅުލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ވަދެ އަވަސް އަވަހަށް ޝިޔާޒުއަށް ގުޅިއެވެ. ބިރުގެންފައި ހުރިވަރުން އޭނަގެ އަޑު ތުރުތުރު ލަމުންދިޔައެވެ. އެކަމާއިހެދި ޝިޔާޒުއަށް އަޒުރާ ދައްކަމުންދިޔަ ވާހަކައެއް ސާފެއްނުވިއެވެ. ކޮންމެގޮތެއްވިޔަސް ޝިޔާޒު ފޯނު ބޭއްވީ މިއަންނަނީއޭ ބުނަމުންނެވެ. އަޒުރާ ފާހާނާއަށް ވަދެ ގަޔަށް ފެންއަޅަންފެށިއެވެ. ދެއަތް މެއާއިދިމާލުން ހުރަސްކޮއްލައިގެން ހުރިއިރު އަދިވެސް އޭނައަށް ރޮވެނީއެވެ. މިވީ ކިހިނެތްކަމެއް އޭނައަކަށް ބުނެދޭކަށް ނޭގެއެވެ. ބުނެދޭން ނޭގުމަށްވުރެ އެކަންތައްތައް ކިޔާދިނުމުން ގަބޫލު ކުރާނީ ކާކުހެއްޔެވެ. ވެގެންދިޔަ އެއްވެސް ކަމަކީ ހުދު އަޒުރާގެ ބުއްދިއަށްވެސް ގަބޫލު ކުރަންދަތި ކަންތައްތަކެކެވެ. ފެންމާގަނޑުން ވެހެމުންދިޔަ ފެންތަކާއިއެކު އަޒުރާގެ ބޮލުން ވަރަށް ގިނަ އިސްތަށި ފައިބައިގެން ދިޔައެވެ. އޭނަ ތެތްއެއްޗެހި ބޭލުމަށްފަހު ފާހާނާގައި ބެހެއްޓިއެވެ. އަދި ތުވާލި އޮޅާލައިގެން ނުކުމެ އަވަސް އަވަހަސް ހެދުން ލިއެވެ. އަދި ރީތިވާ މޭޒު ކުރިމަތީ އިށީނދެ އަމިއްލަ ސޫރަ ބާލާލިއެވެ.

“ސުބްޚާނަﷲ………….މަށަށް މިހިރީ ކިހިނެތްވެފަ………..” އަޒުރާއަށް ލޯގަނޑުން އޭނަގެ ސިފަ ފެނުމާއިއެކު ބުނެލެވުނެވެ. އޭނަގެ ބޮލުން އެއްފަރާތުގެ އިސްތަށިގަނޑު ހީވަނީ ކުރުކޮށް ކޮށާލެވިފައިވާހެނެވެ. އަނގަމަތީގައި މީހެއްގެ އަތްތިލައިގެ ނިޝާން ރަތްވެފައި އެނގެން ހުއްޓެވެ. އޭނަގެ ބޮލުގައިވާ ކޮންމެ އިސްތައްޓެއްގެ ބުޑުގައި ރިއްސައެވެ. ގައިގާ ރިއްސައެވެ. މިހެން އަޒުރާއަށް ދިމާވާންވީ ކީއްވެބާއޭ އޭނަގެ ހިތާ އަދިވެސް ސުވާލުކުރަމުންދިޔައެވެ. އަޒުރާއަށް އަނެއްކާވެސް ރޮވުނީއެވެ. ރީތިވާ މޭޒުމަތީ ބޯޖަހައިގެން އޮވެ ރޮމުން ދިޔައެވެ. އޭނަ ލައިބާ އާޢި ޔަޒާންގެ މަތިންވެސް ހަނދާންނެއްފަދައެވެ.

“އަޒޫ………އަޒޫ…….މީ މަށޭ ޝިޔާޒުއޭ، ދޮރުހުޅުވަބަލަ” ޝިޔާޒުގެ އަޑުއިވުމާއިއެކު ދޮރާދިމާލަށް އަޒުރާ ދުއްވައިގަތެވެ.

“މާތްކަލާކޯ، ތިހިރީ ކިހިނެތްވެފަ، އިސްތަށިގަނޑަށް ކީއްކޮއްފަ ތިއޮތީ، ކޮބާތަ ޔަޒާން އާއި ލައިބާ އާ……..އަނެއްކާ އަޒުރާ ތިހިރީ ހަމަހޭގަތަ” ޝިޔާޒުއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލިއެވެ.

“ޝިޔާޒު……..” އަޒުރާ އަނެއްކާވެސް ރޮއެ ގަންނަމުން ޝިޔާޒުގެ ގައިގާ އޮޅުލައިގަތެވެ.

ޝިޔާޒު އަޒުރާ ގޮވައިގެން ކޮޓަރިތެރެއަށް ވަނެވެ. އަދި އޭނަ ހަމައަކަށް އަޅުވައި ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އަޒުރާ ޝިޔާޒުއަށް ވެދިޔަ ކަންތައްތަކުގެ ވާހަކަ ކިޔާދިނެވެ. އެކަމަކު ޝިޔާޒުއަށް އެވާހަކަތައް މާހަމަޖެހޭ ވާހަކައަކަށް ނުވިއެވެ.

“އަޒުރާ ބޮއެގެން ހުރީމަ ހީވިގޮތެއްހެން ކަމަށްވެސް ވެދާނެއެއްނު، އަނެއްކާ އެތަނުން ގަހެއްގެ ގޮފިގަނޑެއްގައި އަޅައިގަތީކީ ނޫންތަ، ބަލާބަލަ ތިއޮއްބޮޑު އިސްތަށިގަނޑު….ތިއޮތީ މުޅިން ހަލާކުވެ އިސްތަށިތައް ބުރިބުރިވެފައެއްނު….” ޝިޔާޒު އަޒުރާގެ އިސްތަށިގަނޑަށް ބަލަމުން ވާހަކަދެއްކިއެވެ.

“މަށަށް އޭރުވެސް އެނގުނޭ އެކަކުވެސް އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރާނެކަން، ބަލާބަލަ މަގޭ އަނގަމަތި، މިހިރަ އަތްތިލާގެ ނިޝާން ގައިމުވެސް އަހަރެންގެ އަތްތިލައަށްވުރެ މާބޮޑު، އަހަރެން ހުރީ ހައްދުން ނެއްޓިގެންދާވަރަށް ބޮއެގެންނެއްވެސް ނޫން….ޝިޔާޒު އަހަރެންގެ ވާހަކަ ގަބޫލު ކޮއްބަލަ….އެނުފެންނަ މީހާ ހުރީ އަހަރެންގެ ފުރަގަހުގަ، އޭނަ އަހަރެންގެ އިސްތަށިގަނޑުގެ އެއްފަޅީގައި ހިފާ ބުރިކޮއްލީ، އަހަންނަށް އިސްތަށިތައް ބުރިބުރިވެގެން ދިޔަ އަޑުވެސް އިވުނު، ޔަގީނުންވެސް އެއީ ބޮޑު މީހެއް….އިސްކޮޅުން ދިގު މީހެއް….އެހެންވެތާ އަހަރެންގެ އިސްތަށިގަނޑުގަ ހިފާ އުފުލާލެވޭނީ…..އަހަރެންގެ އިސްތަށިތަކުގެ ބުޑުގައި އަދިވެސް އެބަ ވަރަށް ރިއްސާ….ޝިޔާޒު، އަނެއްކާ މިގޭގަ ޖިންނިއެއް އުޅެނީތަ، އަހަންނަކަށް ނުކުރޭނެ ބޭރަށް ނުކުންނާކަށްވެސް” އަޒުރާ ރޮމުން ވާހަކަދެއްކިއެވެ.

“ހޫމް…ހޫމް، އަހަރެން ގަބޫލު ކޮއްފީމޭ އަޒުރާ ތިދައްކާ ވާހަކަތައް، އެކަމަކު…ދެން މައްސަލައެއްނެތް، އަޒޫ ބުނެބަލަ އަހަރެން ކޮއްދޭންވީ ކީއްކަން” ޝިޔާޒު ފިކުރު ހިންގާލަމުން ބުނެލިއެވެ.

“އަހަރެން ބޭނުން މީ ކިހިނެތްވެގެން ވީކަމެއްތޯ ބަލަން، އަނެއްކާ ޖިންނި ފަރާތުކަމެއް ތޯ ނޫނީ މީހަކު އަހަންނަށް ދިން ލަނޑެއްތޯ….ޝިޔާޒު، އަހަރެންނަށް މިރަށުގަ ހުރި އެންމެ މޮޅު ކަންވެރިޔާ ގެނެސްދީ، މިހުރިހާ ކަމެއް ޔަގީން ނުވަނީސް ދެން ހަމަ ނޭވާވެސް އަހަންނަށް ނުލެވޭނެ، މިފަދަ ކަމެއް ދެވަނަ ފަހަރަށް ވާންވާއިރަށް އަހަރެން މަރުވެދާނެ ޝީޔާޒު” އަޒުރާ ޝިޔާޒުގެ ކޮނޑުގައި ބޯއަޅާލިއެވެ.

“މައްސަލައެއްނެތް، އަހަންނަށް އެނގޭ ތިކަމުގަ ދާންވީ ކާކު ގާތަށްކަން، އަޒޫ މިއަންނަނީ އަޝްހަރު ގޮވައިގެން އެގެއަށް ގޮސް އޭނަ އާއި ވާހަކަ ދައްކާލާފަ” ޝިޔާޒު ތެދުވަމުން ބުނެލިއެވެ. ހަމައެވަގުތު އަޒުރާ ޝިޔާޒުގެ އަތުގައި ހިފެހެއްޓިއެވެ. އޭނަ އެކަނި އެގޭތެރޭގައި ބަހައްޓާފައި ނުދިއުމަށް އަޒުރާ އާދޭސް ކުރަންފެށިއެވެ. އެހެންވެ ޝިޔާޒުއަށް އެންމެ ފަހުން ޖެހުނީ އަޒުރާގެ ގާތުގައި މަޑުކުރުމަށްފަހު އަޝްހަރަށް ފޯނުން ގުޅައިގެން އެގެއަށް ގެންނާށެވެ.

ހެނދުނު ދިހައެއް ޖަހާލަނިކޮށް އައިސް ގެއަށް ވަތް ޔަޒާންއަށް އަޒުރާގެ ކޮޓަރީގެ ތެރެއިން ބަޔަކު ވާހަކަ ދައްކާއަޑު އިވުނެވެ. އެހެންނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނަ އައިސްވަނީ ކޮޓަރިއަށެވެ. އޭރު ލައިބާ އޭނަގެ އަތުގައި ގައިހިއްކަން ގެންގުޅޭ ތުވާލި އޮޅާލައިގެން އެނދާއި ފާރާއި ދޭތެރޭ ކަނެއްގައި އިށީނދެލައިގެން އިނެވެ. ތަޅުންގަނޑުމަތީ އަޅާފައިވާ ތަރުފާލުގައި ތަންތަންކޮޅަށް ލޭއެޅިފައި ހުއްޓެވެ. ޔަޒާން އެތަންތަނަށް ބަލައިގެން ނާރާ ވޭތޯ ބަލަމުން އައިސް އޭނަގެ އެނދުމައްޗަށް އަރާ އިށީނެވެ. އޭނަ އިރުގަނޑެއް ވަންދެން ލައިބާއަށް ބަލަން އިނުމަށްފަހު ވާހަކަދެއްކިއެވެ.

“ކިހިނެތްވެފަ ތީނީ، އަތަށް ކިހިނެތްވީ…ދެން ތިހެން ނީދެ ދޭބަލަ ފެންވަރަން، ފެންވަރައިގެން އާދޭ ބޭސްއަޅަން” ޔަޒާން އެހެންބުނީ ކީއްވެކަމެއް ނޭގެއެވެ. އަޒުރާ ލައިބާއަށް އަނިޔާ ކުރުމުގައި ހައްދު ފަހަނަ އަޅާދާކަށް ޔަޒާން ބޭނުމެއްނޫނެވެ. ދެންވެސް އޭނަ އެފަދަ ކަންތައްތައް ހުއްޓުވާނެއެވެ. އަޒުރާ ލައިބާދެކެ ކިތަންމެ ރުޅިއަޔަސް އޭނައަށް ލައިބާ މުހިއްމެވެ.

ޔަޒާން ލައިބާއަށް އަނެއްކާވެސް ގޮވާލިއެވެ. މިފަހަރުވެސް އަނގައިންނެއް ނުބުނިއެވެ. އެންމެފަހުން ޔަޒާން ތެދުވެގެން ގޮސް ލައިބާގެ ކުރިމަތީ އުޑުފައިން އިށިންނަމުން އޭނަގެ އަތުގައި އަތްލަން މަސައްކަތްކުރިއެވެ. އެއާއެކު ލައިބާގެ ބާރު ހަޅޭކުގެ އަޑުއިވި ޔަޒާންވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ފަހަތަށް ޖެހެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ޔަޒާން ލައިބާއަށް ދެތިންފަހަރު ގޮވާލިއެވެ. ދެންވެސް ޔަޒާންއަށް ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ލައިބާގެ ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލުން ލޯއަޅާލަމުށް އެދުލުން ނުކުންނަން ފެށީ ނުބައިބަސްތަކެވެ. ޔަޒާން އާއި އަޒުރާ އާއި ދިމާލަށް ލައިބާ ނުބައިބަސްތަކުން މުޙާތަބުކޮށް އެއްޗެހިކިޔެވެ. ޔަޒާން ލައިބާ ގާތު އެއްޗެހި ކިޔުން ހުއްޓާލުމަށް ބުނަމުންދިޔައެވެ. އަނެއްކާވެސް އަޒުރާ އެކޮޓަރިއަށް އައިސް ލައިބާއަށް އަނިޔާ ކުރަންފަށާފާނެ ވާހަކަވެސް ޔަޒާން ދިޔައީ ހަނދާންކޮއްދެއްމުންނެވެ.

“އޭނަ އަޔަސް މަށަށްވަރިހަމަ، އެއަޒުރާ އަހަރެން މަރާނުލާ އަދިވެސް ދުނިޔޭގެ ބަހައްޓާފަ މިހިރީ ކީއްވެތަ، ބަލަ ކަލޭވެސް ބުނީމެއްނު އަޒުރާ ގާތު އަހަރެން މަރާލާށޭ، އެއީ މިހާރު އަހަރެން ބޭނުންވާގޮތް، އަހަރެން ބޭނުންވަނީ މަރުވަން، އޭރުން ސަހަރާގަ ތިބޭ މީހުންގޮތަށް އަހަންނަށްވެސް ނިދާފަ އޮވެވޭނެއެއްނު، ދުވަހަކުވެސް ހޭލާކަށް ނުޖެހޭނެ…” ލައިބާ ބުނަމުންދިޔައެވެ. އޭނަގެ ހިތުގައި އަނދަމުންދާ ނަފުރަތުގެ އަލިފާނުގައި ހުޅުފަޅައި ބޭރަށް ނުކުންނަމުންދާފަދައެވެ. މިއަދު އޭނަ ބިރެއްވެސް ނުގަނެއެވެ. ހަށިގަނޑުގައި އަޅާނެ ވޭނަކަށް ފަރުވާލެއް ނެތެވެ. އަނެއްކާވެސް ލައިބާއަށް އިތުރު ބަދަލުތަކެއް ގެނުވައިފިއެވެ.

“މިއައީ އޭނަ ގޮވައިގެން، އެބަހުރި ބަނބުކެޔޮގަސް ދޮށުގަ” އަޝްހަރު އައިސް އަޒުރާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއާއިއެކު އަޒުރާގެ ގާތުގައި އިށީނދެލައިގެން އިން ޝިޔާޒު ތެދުވިއެވެ. އަދި އަޒުރާ ގާތު ރީތިވެލައިގެން ހުރުމަށް ބުންޏެވެ.

ޝިޔާޒު އަޝްހަރު އާއިއެކު ނުކުމެގެން ދިއުމުން އަޒުރާ ތެދުވެގެން ގޮސް ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އަދި އިސްތަށިގަނޑުގައި ހިފާ އެއްފަރާތަކަށް ގެނެއެވެ. ކުރުކޮށް އޮތްބައި ކިރިޔާ ކޮނޑާއި ހަމައަށް އަރަނީއެވެ. ދެބައި ދެވަރަށް އޮތުމަށްވުރެ އެއްވަރުކޮއްލަންވީއޭ އަޒުރާގެ ހިތަށް އެރިއެވެ. ކޮންމެގޮތެއްވިޔަސް އެގޮތަށް ހުރެގެން ބޭރަށް ނުކުންނާކަށް އޭނައަކަށް ނުވެސް ކެރޭނެ ވިއްޔާއެވެ. އަޒުރާ ކޮޓަރިތެރޭގެ އެކިތަންތަން ހާވަމުންގޮސް އަލަމާރީގެ ވަތްގަނޑެއް ހުޅުވާލިވަގުތު އޭނައަށް ކަތުރެއް ފެނުނެވެ. އެއީ އޭނަ މިވަގުތު ހޯދަން ބޭނުންވި އެތިވެސްމެއެވެ.

އަޒުރާ ކަތުރު ހިފައިގެން ރީތިވާ މޭޒުކައިރީ އިށީނދެ އިސްތަށިގަނޑުގައި ފުނާ އަޅާ ރީތިކޮށް އޮމާންކޮއްލިއެވެ. އަދި ކުރުކޮށް އޮތްބަޔާއި އެއްވަރަށް އިސްތަށިގަނޑުގެ ބާކީ އޮތްބައި ބުރިކޮއްލިއެވެ.  އެތަށްދުވަހެއް ވަންދެން އޭނަ ލޯބިން ގެންގުޅުނު އިސްތަށިގަނޑު ބުރިކޮއްލަން ޖެހުނުއިރު އެދެލޯވަނީ ފެންކަޅިވެފައެވެ. އެހެނީ ހިތާ ނަފްސާ ދެކޮޅަށް ނޫނީ އޭނަގެ އިސްތަށިގަނޑަށް ދުވަހަކުވެސް ބަދަލެއް ނުގެންނާނެތީއެވެ. އަޒުރާ ތަޅުންގަނޑުމައްޗަށް ވެއްޓުނު އޭނަގެ އިސްތަށިތަކަށް ބަލަހައްޓައިގެން އިރުކޮޅަކުއިނެވެ. އަދި އޭނަގެ ސޫރަ ލޯގަނޑުން ބަލާލިއެވެ. ހީވީ މީހާގެ ހަށިގަނޑުން އެއްބައި މަދުވެގެން ދިޔަހެންނެވެ. އަޒުރާ އަނެއްކާވެސް ފުނަލުން އިސްތަށިގަނޑު އޮމާންކޮއްލުމާއިއެކު އޮޅާލާފައި މައްޗަށް ނެގުމަށްފަހު ދައްޗެއް ޖަހާލިއެވެ. އޭނަ ދެން އަވަސްވެގަތީ ތަޅުންގަނޑު މައްޗަށް އެޅިފައިވާ އިސްތަށިތައް ނެގުމަށެވެ. ކިތަންމެ ވަރަކަށް ހިތާމަ ކުރިއަސް އަލުން އިސްތަށިގަނޑު ކުރިން އޮތްވަރަށް ދިގުވުމަށް ވަގުތު ނަގާނެކަން އަޒުރާއަށް އެނގެއެވެ. ކޮޓަރީގެ ޑަސްބިންއަށް އަޒުރާ ހުރިހާ އިސްތަށިތަކެއް ނަގާ އަޅާލުމަށްފަހު ދެން ބެލީ ޝިޔާޒު އެގެނައި މީހަކާއި ބައްދަލު ކުރަން ދިއުމަށެވެ. އޭގެ ކުރިން އަޒުރާ ހެނދުން ބަދަލުކޮއްލީ އޭރު އޭނަ ލައިގެން ހުރީ ގޭގައި ލައިގެން އުޅޭކަހަލަ އާދައިގެ ހެދުމަކަށްވީތީއެވެ.

ތައްޔާރުވެގެން ނުނިކުމެވެނިސް އަޝްހަރު އައިސް އަޒުރާގެ ދޮރުގައި ޓަކިދީފައި ނުކުތުމަށް އެދުނެވެ. އަޒުރާ އަވަސް އަވަހަށް ދޮރުހުޅުވާލާފައި ނުކުތުމުން އަޝްހަރަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އޭރު އޭނައަކަށްވެސް މާ ރަނގަޅަކަށް މިވެގެން އުޅޭގޮތެއް ނޭގުނެވެ.

“އަލިފުތާބެ ބުނީ އަޒުރާ ގެންނާށޭ……….އޭ އަޒޫ ކިހިނެތްތައް ވެގެން މިއުޅެނީ، އަހަރެންވެސް މިހުންނަނީ ވަރަށް ކަންބޮޑުވެފަ، އަޒޫގެ އަނގަމަތީގަ ތިހިރަ ނިޝާންތީ ކިހިނެތްވެގެން ހުރި ނިޝާނެއްތަ؟” އަޝްހަރު އާއިއެކު ބޭރަށް ނުކުތުމަށް އަޒުރާ ހިނގައިގަތުމުން އޭނަ ވާހަކަދެއްކިއެވެ.

“މިހާރަކު ނޫން، ކިޔާދޭނަން މިވެގެން އުޅޭ ގޮތެއް، އެހަށް އަލިފުތާބެ ކައިރިއަށް ދާންވީ” އަޒުރާ ބުންޏެވެ.

އަލިފުތާބެ ހުރީ ގޯތިތެރޭ ގޭގެ ފުރާޅާދިމާލަށް ބަލަންށެވެ. އެހެން ހުރުމަށްފަހު އައިސް ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ޖޯލި އުނދޯލީގައި އިށީނެވެ. އަދި ވަރަށްވެސް ބޮޑު ފިކުރެއްގައި އިންދައި އަޒުރާ ނުކުތުމުން އޭނައަށް ބަލާލިއެވެ. އޭރުވެސް ޝިޔާޒު ހުރީ ދެން ހަދަންވީގޮތެއް ނޭގިފައެވެ. އަލިފުތާބެ އައިފަހުން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ ކުރާހާ ކަމަކީވެސް ގޭގެ އެތަން މިތަނަށް ބެލުމެވެ.

“ފުތާބޭ، މިހިރީ އަޒުރާ………….” ޝިޔާޒު އަޒުރާ ނުކުތުމާއިއެކު އަލިފުތާބެއަށް ދައްކާލިއެވެ.

“ކަނބުލޯ……….މީ އަދިވެސް އޭރުގަ ހުރި އަސާރީގަސްތަ؟ މިބުނީ ކަނބުލޮ ކާފަ އިންދި ބަނބުކެޔޮ ގަސްހޭ މީ؟” އަލިފުތާ އުނދާލިން ތެދުވަމުން ސުވާލެއްކުރިއެވެ.

“އާ…….އަލިފުތާބެއަށް ކިހިނެތް އެނގުނީ؟” އަޒުރާ ހައިރާން ކަމާއިއެކު އަހާލިއެވެ.

“ކަނބުލޮ ހަނދާން ހުންނާނެ ކަމެއްނޭގެ، އަލިފުތާބެ މީ ކަނބުލޮގެ ކާފަކައިރިން ކަންވެރިކަން ދަސްކުރި މީހެއް، ކަނބުލޮ ކާފައަކީ އޭރު މިރަށުގަ ހުރި އެންމެ މޮޅަށް މިކަން އެނގޭ މީހާ، އޭނައަށް އަތްގާތް ކޮއްދޭން އުޅުމުގެ ތެރޭ އަހަންނަށްވެސް ދަސްކޮއްދިނީ، އެވަރުގެ މީހެއް އަދިވެސް މިރަށުގައެއް ނެތް………..މިގެއަކީ އޭރުގެ މުސްކުޅިގެއެއް….ކަނބުލަ ކާފަ ދުނިޔޭގައި މިގެއަށް ވަރަށް ގިނަކަންތައްތައް ކޮއްފަވަނީ، މި ބަނބުކެޔޮގަހަކީވެސް ނިޒާރުގެ އަތުން އިންދާފައިވާ ގަހެއް، އޭނަ ފިޔަވަޅެއްވެސް ނާޅާނެ ކަމެއް ނުކޮށެއް……..އަނެއްކާ އެހާ ހުށިޔާރުވާނެ……އެފަދަ މީހަކާ ރޫހާނީ ކަންތައްތައްވެސް ދޯޅުންވުން ފަސޭހަވާނެއެއްނު ދޯ………” އަލިފުތާބެ ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ. ހީވާގޮތުން އޭނަގެ ޅަދުވަސް ހަނދާންވީއެވެ.

“ދެން ތިކަމާ އަހަންނާ ހުރީ ކޮންގުޅުމެއްތަ؟ ވެގެން އުޅޭ ކަމެއް ވެގެން މިއުޅެނީ އަހަންނަށޭ، މީހުން ބުނޭ ރޫހާނީ ކަންތައްތައް ދިމާވާނީ ހަމައެކަނި ރޭގަނޑުއޭ، އެކަމަކު އަހަންނަށް މިހެން ހެދީ މިއަދު ހެނދުނު އިރުވެސް އަރާ އަލިވެފައިވަނިކޮށް……….އަހަރެން ބަލަން ބޭނުންވަނީ މީ ކިހިނެތް ދިމާވި ކަމެއްތޯ، އިންސާނެއްގެ ފަރާތުންތޯ ނޫނީ އެހެން ފަރާތަކުން އައިކަމެއްތޯ…” އަޒުރާގެ ކަންބޮޑުވުން އަލިފުތާބެއަށް ފާހަގަކުރެވުނެވެ. އަދި އޭނަ ބިރުގެންފައިވާކަންވެސް އަލިފުތާބެއަށް އެނގުނެވެ.

“ކަނބުލޮއަށް ވީގޮތް ކިޔާދީބަލަ؟” އަލިފުތާބެ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން ދެންތިބި އެންމެވެސް ހިނގައިގަތީ އެތެރަށްދިއުމަށެވެ.

އަޒުރާ އޭނައަށް ދިމާވި ހުރިހާކަމެއް އަލިފުތާބެއަށް ކިޔާދިނެވެ. އޭރު އޭނައިނީ ކުޑަފޮތެއް އަތަށް ލައިގެން ކޮންވެސް އެއްޗެއް ހޯދާށެވެ. އޭނަ ހޯދަން ބޭނުންވި އެތި ފެނުނީކަންނޭގެއެވެ. އަޒުރާ ދެއްކިވާހަކައެއް އެއްވެސް އެއްޗެއް ނުބުނެ އޭނަގެ ދެލޯ މަރާލުމަށްފަހު ތުންތަޅުވަންފެށިއެވެ. އަދި އިރުކޮޅެއްފަހުން ފެންޑާގެ ހުސްތަޅުމުގެ މެދެއްހާ ހިސާބުގައި ޝަހާދަތް އިނގިލިން ކޮންމެވެސް ރޮނގުތަކެއް އަޅާފަދަ ގޮތަކަށް އިޝާރާތް ކުރަމުންދިޔައެވެ. އެހެން ހެދުމަށްފަހު އޭނަ އަނެއްކާވެސް ގޮސް އިށީނީ ބޮޑުއަށީގައެވެ. އޭނަ އަޒުރާ އަށް އެންގީ ކޮޓަރިއަށް ދިއުމަށެވެ. އަދި ޝިޔާޒު އާއި އަޝްހަރު އެތަނުގައި މަޑުކުރިޔަސް އެންމެ ރަނގަޅުކަމުގައެވެ. އަޒުރާ އަވަސް ފިޔަވަޅުގައި ވަނީ ޔަޒާން އާއި ލައިބާ ތިބި ކޮޓަރިތެރެއަށަވެ.

ލައިބާ އެކޮޓަރިއަށްވަނީ ކާކުތޯވެސް ބަލާނުލަން އިންއިރު ޔަޒާންއަށް އަޒުރާފެނި ހައިރާންކަންވެރިވެގެންދިޔައެވެ. އޭނަ ހިތަށް އެރީ އޭނަ ދިޔަފަހުން އަޒުރާ އާއި ލައިބާ އާއިދެމެދު ހިނގި ކުރިމަތިލުންތަކުގައި އަޒުރާއަށް ވެފަހުރި ގޮތަކީކަމަށެވެ. އެކަމަކު އޭނައަށްވެސް އަޒުރާ އިސްތަށިގަނޑަށް ބަދަލެއް ނުގެންނާނެކަން ޔަގީންވިއެވެ. އެހެންނަމަވެސް ސުވާލެއް ކުރާކަށް އޭނަވެސް ބޭނުމެއްނުވިއެވެ.

“މިހުރިހާ ކަމެއްވެސް މިވަނީ މީނދަ ސުންޕާ ކުއްޖާ ގަނޑާއި ހެދި، މަގޭއިސްތަށިގަނޑަށް މިހެން ވިއިރު މަބަލާނަން ކަލޭގެ އިސްތަށިގަނޑު ދިގުވޭތޯ….އަދި އެބަ ފާޑަކަށް ދެލޯއަޅައޭ” އަޒުރާ ޔަޒާންގެ އެނދުގައި އިށީނދެ ހަމަޖެހެވުމާއިއެކު ލައިބާއަށް ބާލިއެވެ. އޭނައަށް ލައިބާ އާއި ދިމާލަށް އެއްޗެއް ނުބުނެއެއް ނީދެވުނެވެ.

އަލިފުތާބެ ބޮޑުއަށިމަތީ ފައިއެލުވާލައިގެން އިށީނދެގެން އިންއިރު އޭނަގެ ދެލޯވަނީ މަރާލެވިފައެވެ. ކުރީ ފަހަރާއި ހިލާފަށް އޭނަގެ ތުންތެޅުވުން ލަސްކަން ފާހަގަ ކުރެވެއެވެ. އަދި އެހެން އިނދެ އިރުއިރުކޮޅާ ބޯޖަހާލައެވެ. ހީވާގޮތުން އޭނަ މީހަކާއި ވާހަކަ ދައްކަނީއެވެ. އެކަމަކު އެތަނުގައި އަލިފުތާބެއާއި ޝިޔާޒު އާއި އަޝްހަރު ފިޔަވާ އެކަކުވެސް ނެތެވެ. ވިއްސަކަށް މިނެޓުފަހުން އަލިފުތާބެ ލޯހުޅުވާލިއެވެ. އޭރު އޭނަވަނީ ކަންބޮޑުވެފައެވެ.

“ކިހިނެތްތޯ ވީ” ޝިޔާޒު އަވަސް އަވަހަށް ސުވާލުކޮއްލިއެވެ.

“މިވަރުގެ ގެއެއް އަހަރެން ނުދެކެން، ވާނީވެސް އެހެންތާ، ނިޒާރުގެ ގެވިއްޔަމީ، މިގޭ ގޯތިތެރޭގައި އުޅޭކަމެއް އުޅެނީ، މިގޭތެރެއަށް ވަންނާކަށް ލާހިކެއްނޫން، ގޮވާބަލަ އެކަނބުލޮއަށް….އޭނަވެސް ބައިންދާގެނެއްނު މިވާހަކަ ދެއްކުން ރަނގަޅުވާނީ” އަލިފުތާބެ ބުނެލިއެވެ. އަދި ބޮޑުއަށިމައްޗަށް އަރާ ދެފައިވައްކޮއްލައިގެން އިށީނދެ ހަމަޖެހިލިއެވެ.

“މިހާރު އެނގިއްޖެއްތަ މިވެގެން އުޅޭގޮތެއް؟” އަޒުރާއަށް ޝިޔާޒު ގޮވާލުމުން ބުނެލިއެވެ.

“ހޫމް…….ފުތާބެ ބޭނުންވަނީ އަޒޫވެސް ހުރެގެން މިކަންތަކުގެ ވާހަކަ ދައްކަން” ޝިޔާޒު ބުނެލިއެވެ.

“އަލިފުތާބޭ،މީ ކޮންކަހަލަ ކަމެއްތަ، މީހެއްގެ ފަރާތުން އައިސްގެން އުޅޭކަމެއްތަ؟” އަޒުރާ ފެންޑާގައި ހުރި ޕްލާސްޓިކް ގޮނޑީގައި އިށިންނަމުން ވާހަކަދެއްކިއެވެ. އޭރު ޔަޒާންވެސް ހުރީ އޭނަގެ ކޮޓަރި ދޮރުކައިރީގައެވެ. އޭނަވެސް ހުރީ ހައިރާންވެފައެވެ. މިވަނީ ކިހނެތްކަމެއް އެމީހުން އެދައްކަނީ ކޮންވާހަކައެއް ކަމެއް ނަގައިގަންނާކަށް އޭރު ޔަޒާންއަކަށް ނޭގުނެވެ.

“ކަނބުލޮ ކާފައިރުއްސުރެ މިގޭގައި އުޅޭ އެއްޗެއް އެއީ، މީހުންނަށް ގޯނާ ނުކުރާނެކަމަށްވަނީ، އެކަމަކު މިގޭތެރޭގެ ކަންތައްތައްވަނީ ހައްދުފަހަނަ އަޅާދާވަރުވެފަ، މިދައްކަނީ ކޮންވާހަކައެއްކަން ކަނބުލޮއަށް އެނގޭނެކަންނޭގެ ދޯ، އޭނަ ކަނބުލޮއަށް ގޯނާކުރީ، ކަނބުލޮއަށްވެސް ކަމެއް ކުރެވިގެން………އަލިފުތާބެ ބުނާނެ ވާހަކައެއްނެތް އަވަހަށް ވަގުތުއޮއްވަ އިސްލާޙްވާންވީ….ބުނަން ބިރުގަންނާނެ ކަމެއްނެތް، އޭނައަކަށް މިގޭތެރެއަކަށް ނުވަދެވޭނެ، އޭނަ އުޅޭނީ މިގޭގެ ބޭރު ގޯތިތެރޭ، ދެން ވަރަށް ބަލައިގެން އުޅޭތި…ކަނބުލޮގެ ކިތަށް ފިރިހެން ދަރިން ތިބޭތަ؟” އަލިފުތާބެ ކުރީ ސުވާލެކެވެ.

“އެކެއް، އެންމެ ކުއްޖެއް ހުންނާނީ….އެހެރީ އެސޮރު، ޔަޒާން ކިޔަނީ” އަޒުރާ ވާހަކަދައްކަމުން ޔަޒާންއަށް އިނގިލި ދިއްކޮއްލިއެވެ.

“އެހެންތަ، ބުނަން، އެދަރިއަށް ވަރަށް ރައްކާތެރިވާތި،ފަހަރެއްގަ އޭނަގެ ފުރާނައަށްވެސް ގެއްލުން ވާފަދަ ކަމެއް ދިމާވެދާނެ……ވަރަށް ވަރަށް ބަލައިގެން އުޅޭތި، އެސޮރަށް މީގެ ކުރިން ކަމެއް ދިމާވިތަ، މިބުނީ ކަނބުލޮއަށް ތިދިމާވިފަދަ އާދަޔާއި ހިލާފުކަމެއް” އަލިފުތާބެ އެއްޗެއް ޔަގީންކޮއްލަން ބޭނުންވިއެވެ.

“އާ…..އާ…..ތިހެން ބުނީމަ ހަނދާންވެއްޖެ، އޭނަ އާއި ޖެހިގެން މިހިރަ ގޭ ރަޒިއްޔާގެ ދެކުދިން ވަލަށްވަދެ އުޅެނިކޮށް ގެއްލުނު، ފެނިގެން ގެނައިއިރު އެންމެ ބޮޑުވަރުވެފަ އޮތީ ޔަޒާންއަށް، އޭނަގެ ގައިގާ ހުރީ މީހަކު ވަކިދަމާފައި ހުރިހެން….އޭގެ ފަހުން އެކަހަލަ އެއްވެސް ކަމެއް ދިމައެއްނުވޭ، އަނެއްކާ ކިހިނެތްވީ؟ އެކަމާއި މިހިނގި ކަންތަކާއި ގުޅުމެއްވަނީތަ؟” އަޒުރާ ހާސްވެފައި އަހާލިއެވެ.

“ހޫމް، މީ ރޫހާނީ ކަމެއް، ދެކަންތައްވެސް ގުޅިފަވަނީ އެއްކަމަކާ، މިގެއާއި ވަރަށްބޮޑަށް ގުޅުން އެބަހުރި، ދެން ހުރި ކުއްޖާ ކޮބާތަ؟ އެއީ އަންހެން ކުއްޖެއްދޯ، މީގަ އެންމެ ހައިރާންވާންވި ކަމަކީ އޭނައަށް މިކަމުގެ އެއްވެސް އަސަރެއް ނުފޯރާނެތީ، އެކުއްޖާއަށް ގޮވާބަލަ، އަހަރެން އެކުއްޖާ ދެކިލަން ބޭނުން…” އަލިފުތާބެ ބުނިއެއްޗަކުން އަޒުރާގެ ހާސްކަމާއި ކަންބޮޑުވުންވީ އިތުރެއެވެ. އަދި ލައިބާދެކެ ކުރިއަށްވުރެ ރުޅިއާދެވުނެވެ. މިކަމުގައި އޭނައަށް އެއްވެސް ކަމެއް ނުވާނެކަން އެނގުމުންނެވެ.

“އަހަރެން އޭރުވެސް ބުނަމޭ އެއުނދޯލީގަ ނީންނާށޭ އިރުއޮއްސޭއިރު، ބުންޏަސް އަޑުއަހާނަމަތާ، މީ އަނެއްކާ އޭނަގެ ފަރާތުން ވެގެން އުޅޭކަމެއްތަ” އަޒުރާ ލައިބާ އެތަނަށް ގެންނާކަށް ގަސްދެއްނުކުރިއެވެ. އެހެންނަމަވެސް ލައިބާ އާއި މިކަމާ ހުރި ގުޅުން އޮޅުންފިލުވަން އޭނަ ބޭނުންވިއެވެ.

“ކޮބާތަ ކަނބުލޮގެ އަންހެން މަންޖެ، އަހަރެން އޭނަ ދެކިލަން ބޭނުން” އަލިފުތާބެ ދެވަނަ ފަހަރަށް ބުނެލިއެވެ.

“އޭނައަކަށް އާދެވޭކަށް ނެތް، އޭނަ ނުނެރި މިކަމަށް ހައްލެއް ގެނެވޭކަށްނެއްތަ؟” އަޒުރާ އަހާލިއެވެ. ހަގީގަތުގައި މިވަގުތު ލައިބާ އެމީހުންގެ ކުރިމައްޗަށް ގެނެސްފިނަމަ ބޭޒާރުވާނީ ހުދު އަޒުރާކަން އޭނައަށް އެނގެއެވެ. އަދި ލައިބާގެ ހަށިގަނޑުގައިވާ ޒަހަމަތަށް ފެނި ކުއްވެރި ކުރާނީވެސް އަޒުރާއެވެ. ލައިބާ ނެރެން އޭނަ ބޭނުންނުވާ ސަބަބަކީ އެއީއެވެ.

“ތެދެއް ފުތާބެ، އެމަންޖެ ނުފެނި ކަމެއްކޮއްދެވޭކަށް ނެތްތައް؟” ޝިޔާޒުވެސް މިހާރު ހުރީ ކަންބޮޑުވެފައެވެ

“ކަމެއްކުރަންތާ ވާނީ…….ބޭބެއަށް އެނގޭ ކަމަކީ އެކުއްޖާއަށް ވަރަށް ގިނަ ކަންތައްތަކާއި އެބަ ދިމާވޭ…ކަނބުލޮ ގާތު ނުބުނޭތަ އެއްވެސް ކަމެއްގެ ވާހަކަ؟ މީ ކުއްލިއަކަށް ވެގެން އުޅޭކަމެއްނޫން….ކަނބުލޮ އާއި ދެކުދިންނައްވެސް ކަމެއް ކުރަން ޖެހޭނީ…….ބޭބެ ދޮގެއް ހަދާކަށްނެތިން، މިގެއަށް ކޮއްފަހުރިކަމަކީ ގޯސްކަމެއްނޫން، އެހެންވީމަ އެކަންތައް ބާތިލް ކުރާކަށް ބޭބެ ގަސްތެއް ނުކުރަން، އަނެއްކާ ބާތިލް ކުރަން ބޭނުންވިޔަސް ބޭބެއަކަށް އެކަމެއް ނުވާނެ…ގޭތެރޭގަ އުޅޭއިރު އެއްވެސް ކަހަލަ ގޯނާއެއް ނުކުރެވޭނެ، އެހެންވީމަ ބޭބެ ދޭނަން ތަވީދެއް، އެކަމަކު ތަވީދު ލިޔެވޭނީ މިއަދު އަސުރުން ފައިބައިގެން، މިރޭ އިޝާނަމާދުން ފައިބައިގެން ބޭބެ ގެއަށް އަންނަހާއިރުން ކަލޯ އާދޭ ބޭބެ ބަލާ، އޭރުން އެގަޑީގަ އައިސް ބޭބެ ތަވީދު އަޅުވަދޭނަން، އޭރުން ދެން އިރާދަކުރެއްވިއްޔާ ނުކުރޭނެ ގައިގަ އަތްލާކަށް” އަލިފުތާބެ ޔަގީންކަމާއިއެކު ބުނެލިއެވެ.

“ދެން އެހެންވީރު މިރޭ ދޯ ކަމެއްވާނީ، މިގަޑީގަ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެތަ” ޝިޔާޒު އޮޅުންފިލުވާލިއެވެ.

“ހޫމް……މިގަޑީގައެއްނޫން، ދެން ކަލޯ ހިނގާ ބޭބެ ގެއަށް ލައިދޭން ދާން” އަލިފުތާބެ ޝިޔާޒުއަށް އެހެން ބުނެލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“އެ ނިޒާރު އެއީ ހާދަ ކުޅަދާނަ މީހެކޭ…..” ޝިޔާޒު އާއިއެކު ގެއިން ނުކުމެގެން ދަމުން އަލިފުތާބެ ހިނިއައިސްފައި ހުރެ ބުނެލިއެވެ.

އަޒުރާ އޭނަ އިންގޮނޑީގައި ފެންޑާގައި އިނެވެ. ކޮއްޅަށް ހުރި އަޝްހަރު ދިޔަގޮތަށް ގޮސް ބޮޑުއަށިމައްޗަށް އެރިއެވެ. އަދި ސުވާލު ކުރަންފެށިއެވެ. އޭރު ދޮރުކައިރީ ހުރި ޔަޒާންގެ މޫނުމަތިން ފެންނަނީ ބިރުގެންފައިވާކަމެވެ. އޭނައަށް އަޒުރާގެ އިސްތަށިގަނޑަށް ބަލަން ހުރެވުނީއެވެ. ވެގެން އުޅެނީ އާދައިގެ ކަމެއްނޫންކަން ޔަޒާންއަށް ރެއަކާލާވަރުވެއްޖެއެވެ. އަޒުރާއަށް ޔަޒާން ފެނުމާއެކު ކޮޓަރިއަށް ވަނުމަށް ހަޅޭލަވައިގަތެވެ. ޔަޒާން އަޒުރާގެ އަޑަށް ކޮޓަރިއަށްވަނެއްކަމަކު އޭނަ ހުރީ އަޒުރާ އަޝްހަރަށް ވެގެން އުޅޭގޮތް ކިޔާދިންއިރު އަޑުއަހާށެވެ. އޭނަގެ ހަތަރެސްފައި ފިނިވިއެވެ. މީގެ ދެތިން އަހަރުކުރީގެ ކަންތައްތަކެއް އޭނަ ހަނދާންވުމުންނެވެ. ވަލުތެރެއަށް ގޮސްއުޅުނު ދުވަސްމަތިންނެވެ. އޭނަ ތަޅުންގަނޑުމަތީ ކުރުގެޅިލައިގެން ދެލޯމަރާލައިގެން އޮތް ލައިބާއަށް ސަމާލުކަމެއް ނުދީ ގޮސް އެރީ އޭނަގެ އެނދަށެވެ. ބިއްދޮށަށް އަރާ އިންއިރު އޭނަގެ ހިތްބިރުގެންފައިވާކަން އެނގެއެވެ.

އަޝްހަރު ކުރިން ކުރަމުން އައި މަސައްކަތް ދޫކޮއްލާފައި އޭނަ މިހާރު އުޅެނީ ޝިޔާޒުގެ މަސައްކަތުގައެވެ. އެހެންވެ އަޒުރާގެ ގާތުގައި މުޅިދުވަހު މަޑުކުރިޔަސް ޝިޔާޒުގެ ޝަކުވާއެއް ނޯންނާނެކަން ގައިމެވެ. އޭނަ ކަންކުރީވެސް އެހެންނެވެ. މެންދުރުފަސްވެ ހަވީރުގެ ހިޔާ އެޅިލިއިރު އެގެއަށް ނަދީމާ އާއި އޭނަގެ ރަޙުމަތްތެރިންވެސް އަތުވެއްޖެއެވެ. އެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. އެމީހުންނަށްވެސް އެވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ކޮންމެ މީހެއްގެ ސުވާލަކީ މީގެ ކުރިން ކަމެއްނުވީ ކީއްވެހެއްޔެވެ. ހަމަ ކަމެއްދިމާވާންވީ މިއަދުހެއްޔެވެ. ގައިމު އަލިފުތާބެ ބުނާގޮތުގައި އެއީ އަޒުރާގެ ކާފައިރުއްސުރެ އެގޭތެރޭގައި ހުންނަކަމެކެވެ. ދެން އަޒުރާއަށް ގޯނާއެއް ކުރެވެން ކުރެވުނު ކަމެއްވެސް އޮންނާނެތާއެވެ. އަޒުރާގެ ވާހަކައިން އޭނަ އެއްވެސް ކަމެއް ނުކުރަން ކަމުގައި ބުނަމުންދިޔައެވެ. އެއީ ހަމަހުރެފަ ކުއްލިއަކަށް ދިމާވި ހާދިސާއެކެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން މަގުތަކުގައި ދިއްލާފައި ހުރި ހޮޅިބުރިތަކުން އަލިކޮއްދެމުންދިޔައެވެ. އެހެންނަމަވެސް ރަށުތެރޭގައި މާބޮޑުއަލިކަމެއް ހުރިކަމަކަށް ނުދައްކައެވެ. ޝިޔާޒު ސައިކަލުގައި މަޑުކޮއްލައިގެން އިނީ އަލިފުތާބޭ މެންގޭ ދޮރުކައިރީގައެވެ. އޭރު އިޝާ ނަމާދުން ފައިބައިގެން އަލިފުތާބެ އަންނަނީއެވެ.

“އަހާ ތިއައީ ދޯ، މަޑުކޮއްލާ މިއަންނަނީ ގޭތެރެއަށް ވަދެލާފަ ތައްޔާރުކުރި އެއްޗެހި ހިފައިގެން” އަލިފުތާބެ ގޭ ދޮރާ ހަމަވުމާއިއެކު ޝިޔާޒުއަށް ބުނެލިއެވެ. ޝިޔާޒު އާއެކޭ ބުނެލަން ބޯޖަހާލިއެވެ. އަދި އަނެއްކާވެސް ސައިކަލު ހުންގާނުގައި ދެއަތްއަޅުވާލިއެވެ.

މުޅިދުވަހު ގޭގައި ހުންނަން ޖެހުމުން އަޒުރާގެ ހާސްކަންދިޔައީ އިތުރުވަމުންނެވެ. އަނެއްކޮޅުން ލައިބާ މުޅިދުވަހުކަހަލަ ގޮތަކަށް އޮތީ ނުކައެވެ. އޭނައަށް ވެފައިހުރިވަރު ފެނުނީ ނަދީމާއަށެވެ. އޭނަ އަޒުރާ އާއި ސުވާލުކުރިއެވެ. އަޒުރާ ކަންވީގޮތް ނަދީމާއަށް ކިޔާދިނެވެ. އެހެންނަމަވެސް ނަދީމާ ކުއްވެރިކުރީ ޔަޒާންއެވެ. އެކަމާ އަޒުރާ ހިތްހަމަނުޖެހުނެވެ. ނަދީމާގެ އުޅުން ކިތަންމެ ވިޔާނުދާވިޔަސް އޭނަ ކަމުގެ ހަގީގަތް ގަބޫލުކުރެއެވެ. އޭނަ އަޒުރާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅި އިސްކުރިކަމުގައި ވިޔަސް ވަކި މިންގަނޑެއް އޮންނަންވާނެ ކަން ނަދީމާ ބުނަމުންދިޔައެވެ. ޔަޒާން ކޮޓަރިން ބޭރަށް ފޮނުވާލާފައި ނަދީމާ ލައިބާއަށް އެހީތެރިކަން ފޯރުކޮއްދިނެވެ. ފުރަތަމަ ބަސްގަބޫލު ނުކޮށް ބޮޑާހާކާލިއެއްކަމަކު ނަދީމާގެ އެތަކެއް އާދޭހާ އެދުމުގެ މަތިން ލައިބާ ފާހާނާއަށްވައްދާ ފެންވެރުވިއެވެ. އޭނަގެ ޒަހަމްތަކުގައި ބޭސްއަޅާދިނެވެ. ނަދީމާގެ ފަރާތުން ދުވަހަކުވެސް ފެންނާނޭކަމަށް ހީނުކުރޭހާ އަޅާލުން ލައިބާއަށް ލިބުނެވެ.

“އަހަންނަށް ވަރިހަމަ އަޒޫ ހިތްހަމަނުޖެހުނަސް ޖެހުނަސް، އެފަދަ އަނިޔާ ދޭކަށް ނުވާނެ، އޭނަ ބުރުގާ އަޅުވަން އުޅޭ، ތިހެން ހަދާފަ އެކުއްޖާ ބޭރަށް ނެރޭނެ ކަމެއްނެތް، އަބަދު ފޮރުވައިގެން ބަންދުކޮއްގެންނެއްވެސް ނުގެންގުޅެވޭނެ…ފާރުތަކުގަވެސް ކަންފަތްހުރޭ، ފާޑު ފާޑުގެ ވާހަކަތައް ދައްކާނީ ހަމަ އަޒުރާއޭ ކިޔައިގެން…ދެން މިބޭސްތައް އޭނައަށް ރަނގަޅަށް ދޭތި، އޭރުން އެކުއްޖާ ތިކަމުން ސަލާމަތްވެދާނެ، އަދި ބުނަންތަ، އަންނަ ހަފްތާ ޑިއުޓީ ފެށުނީމަ އިންޖެކްޝަނެއްވެސް ގެންނާނަން، އެހާތަނަށް ރަނގަޅު އަލާމާތެއް ނުފެނިއްޖެއްޔާ އެވެސް ޖަހާނީ، އޭރުން ވަގުތުން ފައިބައިގެން ދާނެ….” ނަދީމާ ލައިބާގެ އަތަށް ދެވައްތަރެއްގެ ކެޕްސޫލް ގުޅައަކާއި ތިން ގުޅަބޭސް ލާދީފައި އަޒުރާ އާއި ދިމާލަށް އެނބުރި ބުނެލިއެވެ.

“ބުރުގާއޭ….އަނެއްކާމަވީ އޭނައަށް ބުރުގާވެސް ގަނެދެން، ނަދީ ބުންޏެއްކަމަކު ނުވާނެ ތިކަމެއް” އަޒުރާ ރުންކުރުގޮތަކަށް ބުނެލިއެވެ.

“އާނ….ކީއްތަވީ، އޭރުން މިހުރިހާ ތަންތަނެއް މީހުންނަކަށް ނުފެންނާނެއެއްނު، ނޫނީ އެހުރިގޮތަށްތަ އަޒުރާ އޭނަ ނެރެން ތިއުޅެނީ” ނަދީމާވެސް ގޮތްދޫނުކޮށް ބުނެލިއެވެ.

“ހޫން، ދެން ވަރިހަމައޭ، އޭނަ ބުރުގާ އަޅުވަ ފާނަމޭ، ބުނެބަލަ، މިބޭސްތައް ކާންދިނުމަށްވުރެ އެއިންޖެކްޝަން ޖަހާލަންވީނު، އޭރުން މިކަމުން އެއްޝޮޓުން ސަލާމަތްވީނު” އަޒުރާ ސަމާލުކަން ދިނީ އެހެން ކަމަކަށެވެ.

“އަޒޫ، މަމީ ނަރުހެކޭ، ލައިގެ ހަށިގަނޑު އަދި ހާދަ ޅަވާނެއޭ، އެހެންވެ އެންމެ ފަހު ގޮތް އެއީ އިންޖެކްޝަން، މިދިން ބޭސްތައްވެސް ވޯކް ކުރާނެ، ތިހާ ހިތްއަވަސްވެގެން ނޫޅެބަލަ، ދެން ތިހިރަ މޭޒުމަތީ ހުރި ފެންފުޅި މައްށަށް ދިއްކޮއްލަބަލަ” ނަދީމާ ބުނެލިއެވެ. އޭނަ އަޒުރާ ފެންފުޅި ދިނުމާއިއެކު ލައިބާއަށް ދިއްކޮއްލާފައި ބޭސްތައް ކާލުމަށް ބުންޏެވެ.

އެހެންދުވަސް ދުވަހު ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރާ ލައިބާ މިއަދު އެއްވެސް ކަމެއް ނުކުރެއެވެ. ކުރާކަށް ނުވެސް ޖެހުނެވެ. ޝިޔާޒު ގަޑިން ގަޑިއަށް އެގޭތެރެއަށް ޕާރުސަލް ވައްދައެވެ. އެހެންވެ ބޭސްކެއުމުގެ ކުރިން ލައިބާއަށް ޖެހުނީ ކާށެވެ. އެހެނީ ނަދީމާ އެހުރިހާ ކަމެއްކުރަން އޭނައަށް މަޖުބޫރު ކުރުވަމުންދިޔަކަމެވެ. ލައިބާ މަޑުމަޑުން އޭނަގެ ތަންމަތީގައި އޮށޯވެ ބިއްދޮށަށް އެނބުރުނެވެ.

“އެމީހުން އަހަންނަށް ކިހިނެތް ހަދަންތަ އެއުޅެނީ…” ލައިބާގެ ހިތް ސުވާލުކުރަމުންދިޔައެވެ.

މާގިނައިރެއްނުވެ ޝިޔާޒު އަލިފުތާބެ ގޮވައިގެން އައިސް އަޒުރާމެންގޭތެރެއަށްވަނެވެ. އެވަގުތު ގެއަށްވަންނަތާ ގޯތިތެރޭ ހުރި ބަނބުކެޔޮ ގަހުން ކުއްލިއަކަށް ވިދުވަރެއްހާ ބާރުމިނުގަ މައްޗަށް އަރައިގެން ދިޔަ އަލިގަނޑު ޝިޔާޒުއަށް ފެނި ޖެހިލުންވިއެވެ.

“ކަންބޮޑުނުވޭ، އަހަރެން މިގެއަށް އައިކަން އެނގުނީ، އެއްވެސް ގޯނާއެއް ނުކުރާނެ، ދެން އެކުން އެގަހާ ދިމާލަށް ކަލޯ ނުބަލާ އަހަރެންގެ ކުރިއަށް އާދޭ” ވަގުތުން އަލިފުތާބޭގެ އަޑު ޝިޔާޒުގެ ކަންފަތުގައި ޖެހުނެވެ.

ޝިޔާޒު ކުރިއަށް ބަހައްޓައިގެން ހުރެ އަލިފުތާބެ ގެއަށްވަންނަން ދިޔައެވެ. އަދި ގޭތެރޭ އޮޅި ގިރާކުރުމުގެ ކުރިން ތުންތަޅުވާލަމުން ޝިޔާޒުގެ އަތުގައި ހިފެހެއްޓިއެވެ. މިނެޓެއްހާއިރު ތެރޭ އަލިފުތާބެ ޝިޔާޒުގެ އަތުގައި ހިފަހައްޓައިގެން ހުރެ ގޭތެރެއަށް ވަދެއްޖެއެވެ. އޭރު އަޝްހަރާއި ނަދީމާގެ ރަޙުމަތްތެރިންނާއި ތިބީ ބޮޑުއަށީގައި އޮލަވާހަކައެއްގައެވެ. އެމީހުންނަށް އަލިފުތާބެ ފެނުމާއިއެކު ބޮޑުއަށިމަތިން ފުއްމައިލައިގެން ގޮސް އަޒުރާއަށް ގޮވާލުމަށްފަހު އޭނަގެ ކޮޓަރިއަށް ގޮސްވަނެވެ. ނަދީމާ އާއިއެކު އަޒުރާ އަވަސް އަވަހަށް ލައިބާގެ ކޮޓަރިން ނުކުތެވެ. އެއާއިއެކު ޔަޒާން ގޮސް އެކޮޓަރީ ދޮރުކައިރީ މަޑުކޮއްލިއެވެ.

“ޝިޔާޒް…” އަޒުރާއަށް ޝިޔާޒުއަށް ގޮވާލެވުނެވެ.

“މިއައީ ހިފައިގެން، ކަނބުލޯ، ބޭބެގެ އަތުން ކޮންމެހެން އެޅުން އެހާ މުހިއްމެވެސް ނޫން، އެކުންމިއައީ މިތަވީދު ދީފަ މިސޮރު ފޮނުވާލާތަނުން ގެއާއި ހަމައަށް ނުފޯރަފާނެތީ. އަން މިހިރީ…މީ ކަނބުލޮގެ، ދެން މިއޮތީ ފިރިހެން ދަރިފުޅުގެ، ދެން މިއޮތީ އަންހެން ދަރިފުޅަށް، މިތަވީދުތައް އަޅުވާނީ ވައަތުގެ ހިކަނދިމަސައްގަނޑުގަ، ވަކިގަޑިއެއް ނެތް، މިހާރު ހަމައަޅަންވީ އިނގޭ، އަދި ބުނަން އަތުގައި ބައިންދަން އުނދަގޫވަންޏާ މައްސަލައެއްނެތް ބަޑިއަކަށް ލާފައި އުނުގައި ނޫނީ ކަރުގައި އެޅިޔަސް، ކޮންމެގޮތަކަށްވިޔަސް ގައިގާ މިޖެހިފައި އޮންނަންޖެހޭނީ….އޭރުން ޔަގީން، ދެން އިރާދަކުރެއްވިއްޔާ ގައިގަ އަތްލާކަށް ނުކެރޭނެ….” އަލިފުތާބެ އަޒުރާގެ ގާތުގައި ބުނެލިއެވެ.

އަލިފުތާބޭގެ މަސައްކަތުގެ އަގުއަދާކުރުމަށްޓަކައި ޝިޔާޒު އޭނަގެ ވޮލެޓުން ރަތްގަނޑުގެ ނޫޓުތަކެއްނެގިއެވެ. އެތަންފެނި އަލިފުތާބޭ އެކަން މަނާކުރިއެވެ. އޭނަ ޝިޔާޒު ގާތު ބުނިގޮތުގައި އޭނައަށް އެނގިފައިހުރި އެއްޗެއް އެނގިފައިވަނީ އަޒުރާގެ ކާފަ ނިޒާރުގެ ފަރާތުންނެވެ. ވީއިރު އެފަދަ މީހެއްގެ ޢާއިލާއަށް ކޮއްދޭ ކަމެއްގެ އަގުނަގާކަށް އޭނައަކަށްވާ ހަމަ ލާހިކެއްނޫން ކަމުގައި ބުނަމުންދިޔައެވެ.

އަލިފުތާބެ ކޮއްދިން ކަންތަކުގެ ފައިދާކުރިއެވެ. އެދުވަހަށްފަހު އަޒުރާއަކަށް އެއްވެސް އުނދަގުލެއްނުވެއެވެ. ދެތިންދުވަހު ގޭތޭރޭގައި ނަގާ ފޯރިވެސް މަޑުޖެހިފައި އޮތެވެ. އެހެންނަމަވެސް އެކަން ހަފްތާއެއް ހަމަވަންދެންވެސް ދިގުލައެއް ނުދިޔައެވެ. އިހެކޭ އެއްގޮތަށް ގޭތެރޭގެ ހާލަތު ބަދަލުވެއްޖެއެވެ. އަޒުރާގެ ކަރުގައި ރަތުލޮއެގެ ބަޑިއަކަށް ލާފާއި ތަވީދު އަޅާފައިވާއިރު ޔަޒާންގެ ކަރުގައިވެސް ތަވީދު އަޅުވާފައިވީ ހަމައެގޮތަށެވެ. އެހެންނަމަވެސް އަޒުރާގެ ރީތިވާމޭޒުގެ ވަތްގަނޑުގައި އަލިފުތާބެ ލައިބާގެ ގައިގާ އަޅުވަންދިން ތަފީދު ލީގޮތަށް އެބައޮތެވެ. އޭނަ އޭތި ލައިބާގެ ގައިގާ އަޅުވާކަށް ގަސްދެއްނުކުރެއެވެ. ލޯގަނޑު ކުރިމަތީ އިށިންނަށް ކޮންމެ ފަހަރު އަޒުރާ އޭނަގެ ރީތި އިސްތަށިގަނޑުމަތިން ހަނދާންވެއެވެ. އެކަމަކު އިސާހިތަކު އެކަންމަތިންވެސް ހަނދާންނެތި އޭނަގެ ބަދަލުވުމެއްނެތް ދިރިއުޅުމަށް އެނބުރިދެއެވެ.

ލައިބާގެ ހަށިގަނޑުގައި ފެންނަން ހުރި ޒަހަމްތައް ފަސޭހަވަމުންދިޔައެވެ. އެކަމަކު އޭނަގެ ހިތާސިކުނޑީގައި އެވާރ ޕްރެޝަރާއި އެކަނިވެރިކަން ދިޔައީ އިތުރުވަމުންނެވެ. ލާފައިހުންނަ ދެމޭފޮތީގެ ބޮޑު ހެދުމުގެ އިތުރުން ބުރުގާވެސް އަޅަންޖެހުނީއެވެ. މުޅިމީހާގެ ސިފަވަނީ ގެއްލިފައެވެ. އެރީތި ލޮލުގެ ވިދުންގެއްލި ނާއުއްމީދުވެފައިވެއެވެ. މުޅި އުމުރުގައިވެސް ހަމަޖެހިގެން ނޭވާއެއް ލާނެ ފުރުޞަތެއް ނުލިބޭނެކަން އޭނައަށް މިހާރު އެނގެއެވެ. އެފަދަ ދުވަހެއް އައިސްދާނެ ކަމުގެ އުންމީދު ކުރުންވެސް އޭނަ ދޫކޮއްލައިފިއެވެ. އަނެއްކޮޅުން އޭނައަށް ލިބެމުންދިޔަ އަނިޔާގެ ނިމުމެއްނެތެވެ. ނަދީމާ ކާންދިން ބޭސްތައް ބަރާބަރަށް ވަގުތުން ވަގުތަށް އަޒުރާ ކާންދެމުންދިޔަތާ ދެތިން ދުވަސްފަހުން އޭނަގެ ބަނޑުގައި ރިއްސަންފެށިއެވެ. ދިހަވަރަކަށް ގަޑިއިރު އެވޭނުގައި ތެޅިފޮޅެމުންދަނިކޮށް ބަނޑުގައިވި ދަރިފުޅު ބައިގެން ދިޔައެވެ. އަޒުރާ އާއި ނަދީމާ ހުރިހާ ކަމެއް ފޮރުވާލީއެވެ. ލައިބާގެ ހަށިގަނޑުގައި ވޭންއެޅުންފިޔަވާ ދެންވީ އެއްވެސް ކަމެއް ނޭގެއެވެ. އޭނައަށް އެމީހުން އެކުރީ ކިހާވަރެއްގެ ކަމެއްކަންވެސް އަންދާޒާކޮއްލާކަށް ނޭގެއެވެ. ހަމަގައިމުވެސް އޭނަގެ ބަނޑުގައި ކުއްޖެއް އޮތް ކަމާއި އެކުއްޖާ އެމީހުން މަރާލިކަން އޭނައަށް އެނގެއެވެ. އޭނައަށް އިޙްސާސްކުރެވުނު ވޭނަކީ އެކުއްޖާ ބަނޑުގައި މަރާލުމުން ވީކަމެއްކަންވެސް އޭނައަށް ވިސްނުނެވެ. އެކަމަކު އަޒުރާމެންގެ އެއްވެސް ކަމަކަށް އޭނަ އެއްޗެއް ނުބުނެއެވެ. ކިރިޔާ ތެދުވެވޭވަރު ވާއިރަށް ގޭތެރޭގެ މަސައްކަތް ކުރަންޖެހުނެވެ.

ލައިބާ އާއި ލުބާގެ ގުޅުން ކުރިއަށްދިޔައެވެ. އެހެންނަމަވެސް ލުބާގެ މޫނުމަތިން ކުރިންފެންނަ އުފާވެރިކަމެއް ނުފެނެއެވެ. އޭނަ ލައިބާ އާއި ބައްދަލުކުރަނީ ކުރިއެކޭވެސް އެއްގޮތަށް މީހުން ނުހުންނަ ވަގުތުތަކުގައެވެ. ލައިބާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔާދެމުންދިޔައީ ލުބާއެވެ. ލައިބާ އަބަދުވެސް ލުބާއާއި ކުރާ ޝަކުވާއަކީ އޭނަ ލައިބާ އެންމެ ބޭނުންވާވަގުތު ކައިރީ ނުހުންނަނީ ކީއްވެކަމެވެ. ގޮވާލާއިރަށް އަންނާނަމޭ އަބަދުވެސް ބުނެއެވެ. އެކަމަކު ނާންނަނީ ކީއްވެކަން ލައިބާ އޮޅުންފިލުވަން ބޭނުންވެއެވެ.

“އަހަރެން އަބަދުވެސް ލައިބާ ކައިރީގަ އުޅެމޭ، އެހީވެސްވަމޭ….އެކަމަކު ތިގެއަށް އަހަންނަކަށް ނުވަދެވޭނެ، ލައި ބޭނުންވަނީ އަހަރެން ދުވަހަކުވެސް ދެންނާނަންތަ، އަހަރެން ތިގެއަށް ވަންނަން މަސައްކަތްކޮއްފިއްޔާ ވާނީ އެހެން، ދެން ދުވަހަކުވެސް ލައިއަކަށް އަހަރެންނެއް ނުފެންނާނެ….އަހަރެންނަށްވުރެ ލައިދެކެ ލޯބިވާ އެހެންމީހަކު ނުހުންނާނެ” ލުބާ އަބަދުވެސް އެހެން ބުނާނެއެވެ. ލުބާ ކިޔާދޭގޮތުގައި ބައެއްދުވަސްތަކުގައި އޭނައަށް ލައިބާދެކެލަން ނާދެވޭނެއެވެ. އޭނަގެވެސް އާއިލާއެއް އޮންނަކަމާއި އެމީހުންނާއި އެކު އުޅެންވެސް ޖެހޭކަން އޭނަ ލައިބާއަށް ހަނދާންކޮއްދެއެވެ. އެކަމަކު ޔަގީނުންވެސް ލައިބާ އާއި ދުރަށް ނުދާނަންކަމަށް އޭނަ ވަޢުދުވެއެވެ.

ލައިބާ އެކަން ގަބޫލުވެސް ކުރެއެވެ. ލުބާ އޭނައަށް ހަދިޔާއެއް ނުގެނެސްދޭ ދުވަހެއްނުދެއެވެ. ލައިބާގެ އުމުރުންވެސް މައްޗަށްދަމުން ދިޔަވަރަކަށް ވަށައިގެން ހިނގާ ކަންތައްތަކަށް ކުރިއަށްވުރެ ލޯހުޅުވެމުންދިޔައެވެ. އޭނައަށްވެސް ބައެއް ފަހަރު ލުބާގެ އާދަޔާ ހިލާފު ބާރެއް ހުންނަކަން ފާހަގަ ކުރެވެންފެށިއެވެ. ކުއްލިއަކަށް ފެނުމާއި ކުއްލިއަކަށް ގެއްލުމެވެ. ލައިބާ އެއްޗެއް ބޭނުންވެއްޖެނަމަ ކުޑަހިނދުކޮޅެއްގެ ތެރޭ އެ އެއްޗެއް ގެނެސްދިނުމެވެ. އާދައިގެ އިންސާނަކަށް އެހާ އަވަހަށް ކަންތައްތައް ކުރެވޭނެބާއޭ ލައިބާ ހިތައް އަރައެވެ. ކޮންމެގޮތެއްވިޔަސް ލައިބާގެ ހަޔާތުގެ ބޮޑުބައެއްގައި ވަރަށް މުހިއްމު ރޯލެއް ލުބާ ކުޅެއެވެ. މަޑުމަޑުން ލައިބާ ގޮވައިގެން ގެއިން ބޭރަށްވެސް ލުބާ ދާންފެށިއެވެ. އަތިރިމަތީ ހިނގާލުމާއި ރާޅުޖަހާހިސާބުގައި ދުރުދުރަށް ފެތުރިފައި އޮންނަ މާސިންގާ ކަނޑަށް އެތައް އިރަކު ލައިބާ ބަލަންހުރެއެވެ. ރީތި ކުލަކުލައިގެ މާބިންނަށް ލުބާ އޭނަ ގެންދެއެވެ. ގޯތިތެރޭގައިވެސް ލުބާ ގެނެސްދޭ ވައްތަރު ވައްތަރުގެ މާ އިންދަމުން ލައިބާ ދިޔައެވެ. އެކަމާ އަޒުރާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ގިނަފަހަރަށް ލައިބާ ބޭރަށް ދަނީ ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައެވެ.

މިއަދު ލައިބާގެ އުމުރުން ފަނަރަ އަހަރު ފުރުނީއެވެ. އެކަމަކު އެކަމުގައި އެއްވެސް ޙާއްސަކަމެއްނެތެވެ. ތަފާތަކީ މިހާރު ކުރިއަށްވުރެ ލައިބާގެ ހަށިގަނޑު ނިކަމެތިވެފައި މޫނުމަތީގައި އެއްވެސް ދިރުމެއްނެތްކަމެވެ. އަވަދިނެތި އުޅެމުންދިޔައީ ގޭތެރޭގެ މަސައްކަތުގައެވެ. މެންދުރުގެ ވަގުތަށްވުމާއިއެކު އިރުގެ ހޫނުން ބިންގަނޑުވެސްވަނީ ހޫނުކޮއްލާފައެވެ. ލައިބާ ބާލިދީއަކަށް ފެންއަޅައިގެން ގިފިލިތެރެއިން ނުކުތެވެ. އަދި ގިފިލި ދޮރުމަތީ ބާލިދީ ބަހައްޓާފައި އެލިފައި އޮތް ބުރުގާގެ ދެކަންގަނޑު ނަގާ ގޮށެއްޖަހާލުމަށްފަހު ކަރުގައި އަޅުވާލިއެވެ. ލައިބާ ހެދުމުގެ އަތްކުރި އުޅަންބޮށި ކައްޓާއި ހަމައަށް އޮޅާލަމުން ފެންބާލިދީއަށް އަތްކޮއްޕާލާފައި ހޫނުއަރަމުންދިޔަ ފަސްގަނޑަށް ދެއަތުން ފެންޖަހަންފެށިއެވެ.

“ލައިބާ…” ލައިބާ ކުރިއަށް ބަލާލިއެވެ.

“ލުބާ…ކޮންއިރަކު އައީ” ލައިބާއަށް ކުރިމަތީ ބަދިގެއާއި ވީފަރާތުގައި ހުރި ލުބާ ފެނުނެވެ. އަވަސް އަވަހަށް ކުރަންހުރި މަސައްކަތް ހުއްޓާލާފައި ލުބާއަށް ސަމާލުކަންދިނެވެ.

“ހަދިޔާއެއް ބޭނުންތަ” ލުބާ އޭނަގެ ދެއަތް ފުރަގަހަށް ލައިގެން ހުރެ އަހާލިއެވެ.

“ދުވަހަކުވެސް ހަދިޔާއެއްނުލާ އައިންތަ” ލައިބާ ހިނިއައިސްފައި ބުނެލިއެވެ. އެއާއިއެކު ލުބާވެސް ހީލިއެވެ. އަދި އޭނަގެ އަތުގައި ބަންދުކޮއްލާފައިވާ ކެޔޮފަތް ހުޅުވާލަމުން ލުބާ އޭނަގެ އަތުގައި ވާއެއްޗެއް ދައްކާލިއެވެ. އޭގައި ހުރީ ކޮންމެވެސް ކާއެއްޗެކެވެ. ލައިބާ ދުވަހަކުވެސް އެގޮތަށް ހަދާފައިހުރިއެއްޗެއް ނުކައެވެ. އެހެންވެ އެއީ ކޮންކަހަލަ ބާވަތެއްގެ ކާއެއްޗެއް ކަމެއް ނޭގުނެވެ. އޭނަ ބަދިގެ ތެރެއަށް ވަދެފައި އައީ ސަމްސަލެއް ހިފައިގެންނެވެ.

“މިއަދު މީ އާވައްތަރެއްގެ ހަދިޔާއެއްތަ” ލައިބާ ކެޔޮފަތުގައި ހުރި އެއްޗެއް ކެއުމަށް ސަމްސާ ލަމުން އަހާލިއެވެ.

“މީރީއާ ބުނައްޗޭ، މީ އަހަރެން ވަރަށް ގިނައިން ކާއެއްޗެއް، މިއަދު މީ ލައިބާގެ އުފަންދުވަހެއްނު، ހިތަށްއެރީ ލައިބާއަށް ގެންގޮސްދޭނަމޭ މިއަދު” ލުބާ ރަކިގޮތަކަށް އިނދެބުނެލިއެވެ.

“މްމްމްމް…ވަރަށް މީރު، ހަމައަސްލުވެސް ވަރަށް މީރު، ހުރިގޮތުން ހީވެސް ނުކުރަން މީ ފޮނިއެއްޗެއް ކަމަކަށް” ލައިބާއެތިކޮޅެއް އަނގައަށް ލާފައި ބުނެލިއެވެ.

“މިތާ ލައި ކާންއިނދޭ އަހަރެން ފެންޖަހާލަދީފާނަން” ލުބާ އެހީތެރިވުމަށް އުޅުނެވެ.

ލައިބާ ވަރަށް ހާލުން ނެރުނު ފެންބާލިދީ އެއްވެސް ތަކުލީފަކާއިނުލާ ލުބާ ހިއްލާލިއެވެ. އަދި ގޯތިތެރެއަށް ފެންބާލިދީ އުކާލިއެވެ. އެއާއެކު ވަށައިގެން ހުރިހާތަނަކަށް ފެންތައް ބުރައިގެންދިޔައެވެ. އެތަންފެނި ބަދިގެ އޮޅީގައި އިށީނދެލައިގެން އިން ލައިބާ ކެޔޮފަތް އުނގުގައި ބައިންދާލަމުން އަތްތިލަބަޑި ޖަހާލިއެވެ.

“ލުބާ ހާދަ މޮޅޭ، އަހަންނަށް ފެންބާލިދީ އުފުލާނުލެވޭނެތީ ބިންމަތީ ބަހައްޓައިގެން ފެންޖަހަނީ” ލައިބާ ބުނެލިއެވެ.

“ލައިގެ ގައިގާ ވަރުހުންނާނީ ކިހިނެތް، ގިނަފަހަރަށް ރަނގަޅަށް ނުވެސްކައި، އެމީހުން ހެދިހާ ގޮތެއް ހެދިގެން ތިއުޅެނީ، ހިތަށް އަރާ….” ލުބާ އިތުރަކަށް ނުބުންޏެވެ.

“އެކަމާ ދެން އަޅާނުލާ، އިނގޭތަ، މިގޭ ދޮރުމަތީގަ ހުރި ފަޅުގޭގައި ހަދާފައެހެރީނު ފިހާރައެއް، އެތާނގަ އިންނަ މުސްކުޅިބެގަނޑު މިއަދުވެސް އަހަރެން އެތަނަށް ހަނޑޫކޮޅެއް ގަންނަން ދިޔައީމަ ހީވަނީ ކާލަފާނެހެން، އަދި ކޮންމެ ދުވަހަކު އަހައޭ މަންމަ ކޮބާހޭ، ވަރަށް ފޫހިވޭ، އެއަޒުރާ ހުންނަނީ ވަރަށްވެފައޭ އޭމުސްކުޅިގަނޑު މިގެއަށް އެއްޗެހި ފޮނުވާތި” ލައިބާ ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ.

“އޭނަ ލައިބާ ގައިގަ އަތްލާތަ” ލުބާ އަވަސް އަވަހަށް އަހާލިއެވެ.

“ނޫން، އެކަމަކު އޭނަގެ ދެލޮލުން މަގޭ ގައިގަ އަތްނުލާތަނެއް ނީންނާނެ ކަންނޭގެ…ހެ ހެ ހެ” ލައިބާ ހޭންފެށިއެވެ. އޭނައަށް ލުބާގެ މޫނުމަތިން ފެނުނު ރުޅިވެރިކަން ފާހަގަކުރެވުނު ހެނެއް ހިއެއްނުވެއެވެ.

“ލައިބާ……..އެކޮއެ އާދެބަލަ” ހައްވަދައިތަ ބަދިގެ ތެރެއިން ބޯތައްޓެއް ހިފައިގެން ނުކުންނަމުން ބުނެލިއެވެ. ލައިބާ ސިހިފައި ހައްވަދައިތައަށް ބަލާލާފައި ދެން ލުބާ ހުރި ދިމާލަށް ބަލާލިއިރު އޭނައަށް ނެތެވެ. ލައިބާ ތެދުވެ އަތުގައި ހުރި އެއްޗެހި ބަދިގެ މޭޒުމަތީ ބަހައްޓާފައި އަވަހަށް ހައްވަދައިތަ މެންގޭ ފާރުބުރި ކައިރިއަށް ދިޔައެވެ.

“އަން، މިއަދު ހައްވަދައިތަ މާޅޮސްކެޔޮލުގަ ރިހަކައްކައިގެން މިއުޅެނީ…” ހައްވަދައިތަ ދިއްކޮއްލީ ރިހަބޯތައްޓެކެވެ.

“އިއްޔެ މަސްރިހަކެއްކީ ހައްވަދައިތަ ބުނިގޮތަށް، ވަރަށް މީރު އެހަވާދުގަނޑު، މާޅޮސްކޭލުގަ ރިހަކައްކަންވެސް ދަސްކޮއްދެއްޗޭ” ލައިބާ ހިނިއައިސްފައި ހައްވަދައިތަ ގާތު ބުނެލިއެވެ.

“މައްސަލައެއް ނޯންނާނެ، ދުވަސްކޮޅަކުން ލައިބާ މަންޖެގެ ރިހަގަނޑުގެ ރަހަގަނޑު މާރަނގަޅުވާނެ ކަންނޭގެ…އެކޮއެ، ކޮންކުއްޖަކާތަ މާވަރަކަށް ތިއަނގަތަޅަނީ، ހައްވަދައިތަ ބަދިގޭގަ ހުރިއިރު ލައިބާ ވާހަކަދައްކާހެން ހީވި ވިއްޔާ” ހައްވަދައިތަ ލައިބާ ރިހަބޯތަށީގައި ހިފައިގެން ހިނގައިގަތްތަނާހެން ބުނެލިއެވެ.

“އެއީ ރައްޓެހި ކުއްޖެއް، ހައްވަދައިތަ ގޮވާލިއަޑަށް ބިރުން ފިލީކަންނޭގެ” ސަމާސާ ގޮތަކަށް ހިނިއައިސްފައި ލައިބާ ބުނެލިއެވެ. މީހެއްގެ ހިލަމެއްވާއިރަށް ފިލުމަކީ ލުބާގެ އާދައެއްކަން ލައިބާއަށް އެނގެއެވެ.

އަޒުރާ ޔަޒާން ގޮވައިގެން މެންދުރުގެ ކާގަނޑިއަށް ބަދިގެއަށް އައެވެ. ލައިބާ އަވަސް އަވަހަށް އެމީހުންގެ ކުރިމަތިން ދުރަށް ދިޔައެވެ. އަދި އެމީހުން ކައިނިމެންވާއިރަށް އޭނަގެ ކޮޓަރިއަށް ގޮސްފެންވަރާލާ ތާޒާވެލިއެވެ. އޭނަ ފަހަކަށް އައިސް ކަންތައްކުރަނީ އެހެންނެވެ. އެވެސް ޔަޒާންގެ ކިބައިން ސަލާމަތްވުމަށެވެ.

ޔަޒާންއަކީ މިހާރު ފުރާފުރިހަމަވެފައިވާ ޒުވާނެކެވެ. އޭނަގެ ދެރަޙުމަތްތެރިންނާއިއެކު އުޅުމުގެ ނަސީބު އަނެއްކާވެސް އޭނަށް ގެއްލުނީއެވެ. ނަޒްމީ އާއި ފައިޒަން މަސައްކަތުގެ ދާއިރާއަށް ނުކުތީއެވެ. ފައިޒަން ސިފައިގެންގެ ތެރެއަށް ވަތްއިރު ނަޒްމީވަނީ މާލޭގެ ރަނގުޅުއޮފީހަކަށެވެ. ރަޒިއްޔާ އޭނަގެ ގެއާއި ރަށްދޫކޮއްލާފައި ދެދަރިންނާއި ފިރިމީހާ އާއި އަންހެން ދަރިފުޅާއެކު މާލެ ބަދަލުވީއެވެ. އެގެހުރީ ފަޅަށެވެ. އަޒުރާގެ ގޮތް އިނގޭއިރުވެސް ރަޒިއްޔާ ދަމުން އަޒުރާގެ ގާތުގައި ދޭތެރެ ދޭތެރެއިން އެނގޭތެރެ ބަލާލަދިނުމަށާއި ގޯތިތެރެ ކުނިކަހާލަ ދިނުމަށް އެދުނެވެ. އަދި އެގޭގައި އިންދާފައި ހުރި ގަސްތަކުން އަޒުރާ ބޭނުންއެއްޗެއް ގެންދިއުމުގެ ހުއްދަދިނެވެ.

ނަޒްމީ އާއި ފައިޒަން ދުރުވުމަކުން ވަކި ޔަޒާން އާދެވެފައި ހުރި ކަންތައްތަކެއް ކުރުން ނުހުއްޓުނެވެ. އޭނަ އުޅެމުން ގެންދިޔައީ އިހުވެސް އޭނަ އުޅުނު ވިޔާނުދާ ގޮތަށެވެ. ރަނގަޅުވާން ހިތަށްވެސް ނާރާއެވެ. ތަވީދެއް އެޅުނީމާ ނިމުނީއެވެ. ހިތުގައި ދެންއޮތް ބިރުވެރިކަންވެސް ފިލާހިނގައްޖެއެވެ.

“ފަސްރުފިޔާގެ ހަކުރު…..” ލައިބާ ފިހާރައިގެ ސޭޓުއަތަށް ރުފިޔާ ދިއްކޮއްލަމުން ބުނެލިއެވެ.

މަނިކު ލައިބާ ދިއްކޮއްލި ފަސްރުފިޔާގައި ހިފީ އޭނަގެ އަތާއިއެކުގައެވެ. ލައިބާ ރުޅިވެރިކަން ދައްކާލަމުން ތުންއަނބުރާލާފައި އަތްދަމައިގަތެވެ. އަދި ފިހާރައިގެ ދޮރުކައިރީ މަޑުކޮއްލީ މަނިކު ހަކުރު ކިލޯ ކިރައިދީ ނިމެންދެންނެވެ.

“މިއަދު އިތުރު އެއްޗެއް ނުގަންނަންތަ” މަނިކު ހަކުރު ކޮތަޅު ލައިބާއަށް ދިއްކޮއްލަމުން އަހާލިއެވެ.

“އާން…ނެތް…” ލައިބާ ބެލީ އަވަސް އަވަހަށް އެތަނުން ނުކުމެވޭތޯއެވެ. ފިރިހެނުންނަށް މިތިބެނީ ކިހިނެތްވެފަ ބާއޭ ލައިބާގެ ހިތަށް އަރަމުންދިޔައެވެ. އުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު އޭނައަށް އިޙްތިރާމް އަދާކުރާނީ ކިހިނެތްހެއްޔެވެ. އެންމެ ފުރަތަމަ އޭނަގެ ހިތުނިޔަތްވެސް ގޯހެވެ. ލައިބާ ފެންނަ ކޮންމެ ފަހަރަކު ދުފާރަތްކޮއްފައި ހުންނަ ދަތްފިލަ ދައްކައިގެން މަނިކު ހުންނާނެއެވެ. ގަންނަންދާ އެއްޗެއްގެ އިތުރުން ކޮންމެވެސް އެއްޗެއް ދޭން މަސައްކަތްކުރާނެއެވެ. ލައިބާ ނުހިފައިފިއްޔާ ގެއަށް އައިސް އަޒުރާއަށްވެސް ދެނީއެވެ. މަނިކު އެއުޅެނީ ލައިބާގެ ފަހަތުން އަޅައިގަނެގެންކަން ހުދު ލައިބާއަށްވެސް އެނގެއެވެ. އެކަމަކު ދިފާއުވުމަށް ކުރެވޭނެކަމެއްނެތެވެ. ގޭގައި ކައްކަންވެސް ޖެހެއެވެ. އަޒުރާ ލާރި ދީފަ އެއްޗެހި ގަންނަން ދާށޭ ބުނީމަ ފިހާރައަށް ގަންނަންވެސް ދާންޖެހެވެ. ގެކައިރީގައި މާގިނަ ފިހާރަތަކެއްވެސް ހުންނަނީކީ ނޫނެވެ.

މަނިކުގެ އުނދަގޫ ފޯރާތާ ދުވަސްކޮޅަކަށްފަހު އެއްދުވަހުގެ ހަވީރު އަސުރު ނަމާދަށް ފިހާރަ ބަންދުކޮއްލުމަށްފަހު މަނިކު އަޒުރާމެންގެއަށް ވަދެ ސަލާމް ގޮވާލިއެވެ. އޭރު އަޒުރާ ފެންޑާގައި ފޯނުން ވާހަކަދައްކަން އިނެވެ. މަނިކުގެ ސަލާމުގެ އަޑު އިވި އަޒުރާ ދޮރުން ބޭރު ބަލާލިއެވެ.

“އަހާ މަނިކު، މިފަހަރު ތިޔައީ ކޮންކަހަލަ އެއްޗެއް ހިފައިގެން؟ މަނިކު ފިހާރަ ހުޅުވިފަހުން އަހަރުމެންނަށް ހާދަ ދީލައްޗޭ” އަޒުރާއަށްވެސް މަނިކު ފެނުމާއިއެކު ބުނެލެވުނެވެ.

“މިދެން  އެވަރު އެއްޗެއްތަ، އަހަރެން ކައިރީ ވަންނާކަށް ނުބުނާނަންތަ، މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއްވެސް ދައްކާލާނަމޭ ހިތާ” މަނިކު ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އެއާއިއެކު އަޒުރާގެ އަތުގައި އޮތް ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާ ގާތު ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. އަދި މަނިކުއަށް ހިނިތުންވެލަމުން އަވަހަށް އަންނާށޭ ބުނެ ގޭތެރެއަށް ވެއްދިއެވެ.

“ކޮބާތަ އެމަންޖެ؟” މަނިކު އަހާލިއެވެ.

އަޒުރާއަށް މަނިކު އެބުނީ ކާކުގެ ވާހަކަކަން އެނގެއެވެ. އަދި މަނިކު ލައިބާއަށް ހާއްޞަކަމެއް ބަހައްޓާކަންވެސް އޭނައަށްވަނީ ފާހަގަ ކުރެވިފައެވެ. މަނިކުގެ ފަރާތުން ލިބޭ ދީލަތި އެހީތަކާއި ހަދިޔާތަކަކީވެސް ލައިބާގެ ސަބަބުން އެގެއަށް ވަންނަ އެއްޗެހިކަން އަޒުރާއަށް އެނގެއެވެ.

“އެމަންޖެ ކޮޓަރީގަ އެބައުޅޭ………” އަޒުރާވެސް މަނިކު އަހާލިގޮތަށް ރާގުލާފައި ބުނެލިއެވެ.

“އަޒުރާ…..އަހަރެން މިއައީ ކަމަކު ކިޔަންވެގެން، އަހަންނަށް….އަހަންނަށް ދޭންވީނު އެމަންޖެ…..” މަނިކުގެ އަނގައިން އެބަސްތައް ނުކުތީ އުނދަގުލަކާއިއެކުއެވެ. އަޒުރާގެ ހިޔާލެއް ނޭގޭތީއެވެ.

“ދޭށޭ….” އަޒުރާއަށް އެވަރަށް ބުނެވުނުތަނާހެން މަނިކު ނޫސްގަނޑަކަށްލާ ފަތްޖަހާލާފައި އޮތް ބޮޑިވަރެއް އަޒުރާއަށް ދިއްކޮއްލިއެވެ.

“މިވެސް ކުޑަކުޑަ ހަދިޔާއެއް، އަދި ފަހުން މީގެ ޑަބަލް…..އަޒުރާ، އަހަރެން އެމަންޖެ ވަރަށް ރަނގަޅަށް ބަލާނަމޭ، އުނިވާނެ އެއްކަމެއްވެސް ނޯންނާނެ….މިވަރުން ވާނެތަ” މަނިކު ޔަގީންނުވާހާލުގައި އަޒުރާއަށް ބަލަން އިނދެ ބުނެލިއެވެ.

“އޯ….އޯ…މި ހަދިޔާ…..މަނިކު ކަލެއަކީ ވިސްނޫންތޫނު މީހެއް…..މީ…މީ….ކިހާ ވަރެއްތަ؟” އަޒުރާއަށް މަނިކު ދިއްކޮއްލި ނޫސްގަނޑު ނިއުޅާލަމުން އޭގައިވާ އެއްޗެއް ބަލާލިއެވެ. އަދި އޭނަގެ ދެލޯ ބޮޑުވެ މޫނުމައްޗަށް ހިނިތުންވުމެއްވެރިވެގެން ދިޔައީ ގަބޫލުކުރަން ދަތިވެގެންނެވެ. އެނޫސްގަނޑުގެ ތެރޭގައި ހުރީ ފައްސަތޭކައިގެ ނޫޓުތަކެކެވެ. ދުވަހަކުވެސް އަޒުރާގެ އުމުރުން އެހާތަނަށް އައިއިރު އެއްފަހަރާ އެހާގިނަ ފައިސާއެއް ނުދެކެއެވެ. އޭނަގެ ބުއްދިފިލާދާހާވިއެވެ.

“ވިހި ހާސް ރުފިޔާ….” މަނިކު އަޒުރާއަށް ވަމުންދާގޮތް ބަލަން އިނދެ ބުނެލިއެވެ.

“ވިހި…ވިހި….ވިހި ހާސްއޭ….” އަޒުރާ ހޭންފެށިއެވެ. އަޖައިބުވެގެންގޮސް އޭނައަށް އެވަގުތު ހަދާނެގޮތެއް ނޭގުނީއެވެ. އެއްފަހަރާ އަތަށް އެހާ ބައިވަރު ރުފިޔާ އެރުމުން ދެން ހަދަންވީ ކިހިނެތްކަން ހަނދާންވެސް ނެތެވެ.

“އެމަންޖެ މަށަށް…..” މަނިކުގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“ގެންދޭ، ދީފިން، ކަލެއަށް ދީފިން އޭނަ، އަވަހަށް ގެންދޭ……ދެން ކޮންއިރަކުން ބާކީބައި ލިބޭނީ؟” އަޒުރާ ހީވަނީ މޮޔައެއް ހެންނެވެ. އަވަސް އަވަހަށް މަނިކުއަށް ޖަވާބު ދިނެވެ. އޭނަ ރުފިޔާތައް ފެނި އެއަށް އޭނަ ލައިބާ ވިއްކާލިއްޔެވެ.

އަޒުރާގެ ރުހުން ހޯދަން ބޭނުންވަނީ ކޮންއެއްޗެއްކަން މަނިކުއަށް އެނގުމުން އޭނަ ކުރަން އައިކަންތައް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނައަށް ލިބުނެވެ. އަދި އަޒުރާ ގާތު ކުރިއަށް އޮތް ހަފްތާ ނިމުމުގެ ކުރިން އޭނަ ލައިބާ ގެންދާނަން ކަމުގައި ބުންޏެވެ.

“ދެން….ދެން…އޭނަ ކައިވެންޏަށް ތައްޔާރުކޮއްފަ އަހަންނަށް މީގެން ބާކީ އޮންނާނީ ކޮންއެއްޗެއް….” އަޒުރާ ފާޑަކަށް ތުންއަނބުރާލަމުން މަނިކުއަށް ބުނެލިއެވެ.

“ހެ ހެ ހެ ހެ، އެކަމާ ހާސްނުވޭ، ތީ ހަމައެކަނި އަޒުރާއަށް ދިންއެއްޗެކޭ، އެމަންޖެ ކަންތައްތަކަށް ހަރަދުކުރަން މާދަން ގެނެސްދޭނަން، އެކަމަކު އަހަންނަށް ޔަގީންކަން ލިބެންޖެހޭނެ އެމަންޖެ އަހަންނަށް ދޭނެކަމުގެ” މަނިކު ތެދުވެދާން އުޅެފަވެސް އަޒުރާ ބުނިއެއްޗަކުން ހިނިއައިސްފައި މަޑުކޮއްލަމުން ބުނެލިއެވެ.

“އެހެންތަ، މައްސަލައެއް ނޯންނާނެ، އަހަރެން މިބުނީނު އޭނަ ދީފީމޭ، އެއްވެސް މައްސަލައެއް ނުޖެހޭނެ، އަހަރެން އެކަމުގެ ގެރެންޓީދެން، މަނިކު ހާސްނުވޭ، ބުނީމެއްނު މީގެ ދެގުނަ ދޭނަމޭ މިކަންވެއްޖެއްޔާ…އަހަރެންވެސް ބޭނުން މަނިކު ކަހަލަ މީހަކު އެމަންޖެއަށް ލިބެން” އަޒުރާ މަނިކުގެ ހިތްހަމަ ޖައްސަން ބުނެލިއެވެ.

“ހޫމް، ކައިވެނި ކުރެވިއްޖެއްޔާ ތީގެ ދެގުނަ ދޭނަން…” މަނިކު އަނެއްކާވެސް އޭނަ ބުނި ބަހުގެ ޔަގީންކަން އަޒުރާއަށް ދިނެވެ. އަދި އެގެއިން އޭނަ ނުކުމެގެން ދިޔައީ ވަރަށްވެސް ހިނިއައިސްފައި ހުރެގެންނެވެ.

އަޒުރާ އަވަސް އަވަހަށް ރުފިޔާތައް ހިފައިގެން ވަނީ އޭނަގެ ކޮޓަރިއަށެވެ. އަންހެން ދަރިއެއް ހުރިކަން ނަސީބޭ މިހާރު އޭނަގެ ހިތަށް އަރައެވެ. އެހެންނޫންނަމަ މިއަދު މިފަދަ ބޮޑު ނިއުމަތެއް ނުލެއްވީސްކަން ކަށަވަރެވެ. އަޒުރާ ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އަތުގައި ހުރި ރުފިޔާތައް އެނދުމައްޗަށް އަޅާލައިގެން ފަހަރަކު ގަނޑަކުން ގުނަންފެށިއެވެ. އަދި ދޭތެރެއަކުން ރުފިޔާތަކުން ވަސްބަލާލަނީ އެހިތަށް އިތުރު ހިތްހަމަޖެހުމެއް ލިބޭތީއެވެ.

ލައިބާގެ ފަރާތުން ސަލާމަތްވާން މިއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެކަމުގައި އަޒުރާ ދެކުނެވެ. މަނިކު އާއި ކައިވެނިކޮއްފައި ފޮނުވާލީމާ އެކަމުން އަޒުރާއަށްވެސް ގެއްލުމެއްނެތެވެ. އޭރުން އޭނަ މިނިވަންވީފަދައެވެ. އެކައިވެންޏާއި ލައިބާ ގަބޫލުތޯވެސް އަދި ނޫންތޯވެސް އެއީ އޭނަ ބަލަން ބޭނުންވާ ކަމެއްނޫނެވެ.

ހަވީރު ފިންޏަށް ބޭރަށްދާ އުސޫލުން އަޒުރާ ނަލަވެލައިގެން ނުކުމެ ލައިބާއަށް ގޮވާލީ ތަފާތު ގޮތަކަށެވެ. އެއަޑުގައި އެއްވެސް ރުޅިވެރިކަމެއް ނުވެއެވެ. އެހެންނަމަވެސް އެހިތުގައި އޯގާތެރިކަމެއްވެސް ނުވެއެވެ.

“ކިހިނެތްވީ؟” ބޭރުން ލައިބާ ބުނެލިއަޑުއިވުނެވެ.

އަޒުރާއަށް ލައިބާ އިނީ ބޭރު އުނދޯލީގަކަން އެނގުމުން އަވަސް އަވަހަށް ބޭރަށް ނުކުތެވެ. އޭރު ޔަޒާން އޭނަ އާއި އެއްވަރުގެ ކުދިންތަކަކާއިއެކު ބޭރު ފާރުބުރި މަތީ އަރާތިއްބެވެ. ދައްކަނީ ކޮންވާހަކައެއްކަން ނޭގުނަސް އެކުދިންގެ އަޑުވަރަށްވެސް ގަދައެވެ. އަޒުރާ ލައިބާއަށް ބަލާލިއެވެ. އޭނަ އެއްވަރަކަށް އުނދޯލި ހެއްލާލަ ހެއްލާލާ އޮތެވެ.

“އަހަރެން ގޮވީމަ ކީއްވެތަ ނައީ؟” އަޒުރާ ކުރިންވެސް ވާހަކަދެއްކި ރާގުގައި އަހާލިއެވެ.

“ކަލޭ އެއްފަހަރު މަގޭ ކައިރިއަށް އައީ ވިއްޔާ ވާނީކީއްތަ” ލައިބާ ފަރުވާލެއް ނެތްގޮތަކަށް ބުނެލިއެވެ. އެއީ އޭނަ އަޒުރާ އާއި ވާހަކަދެއްކުމުގައި ގެންގުޅޭ އުސޫލެވެ. އެހެނީ އަޒުރާއަކީ އޭނަގެ މަންމަގެ މަގާމުފުރޭވަރުގެ އަންހެނެއް ނޫންކަން އޭނަ ގަބޫލު ކުރިތާ އެތަށް އަހަރެއް ފާއިތުވެ ގޮސްފިއެވެ.  ދެން އަލުން އެއިއްޒަތާއި ގަދަރެއް އެއަންހެން މީހާއަށް ދޭކަށް ލައިބާ ގަސްދެއްނުކުރެއެވެ.

“ހޫމް، ދެންވަރިހަމައޭ، ކަލޭގެ ކައިވެންޏަށް ތައްޔާރުވާންވީ، ކުރިއަށް މިއޮތް ހަފްތާތެރޭ ކަލޭގެ ކައިވެނި ކުރަން މިއުޅެނީ…ކަލޭ ކައިރީ ބުނުން އެހާ މުހިއްމެވެސް ނޫން، އެކަމަކުވެސް ދެން ބުނެލީ” އަޒުރާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“ކައިވެންޏޭ، ކާކާ…” ހެއްލަ ހެއްލާ އިން އުނދޯލި ކުއްލިއަކަށް ފައިން މަޑުޖައްސާލަމުން ލައިބާއަށް އަހާލެވުނެވެ.

“މަނިކު އާއި، ދެން އެހެން ކާކާ” އަޒުރާ ބުނެލިއެވެ.

“ނޫޅެން، އެމުސްކުޅި މީހާ އާއި މަށެއް ނީންނާނަން…އޭނަ ހީވަނީ އަހަރެންގެ ކާފަހެން، ކަލޭ އޭނަ އާއި އިންނަންވީނު” ލައިބާގާތަށް އޭރުއިނީ ވަރަށް ރުޅިއައިސްފައެވެ.

“އަހަރެން ނާހަމެއްނު ކަލޭ ގަބޫލު ތޯއެއް، އަހަރެން ބުނީމަ ބުނާގޮތަށް ހެދީމަ ކަލެއަށްހަމަ ފައިދާވާނީ………މާ ހާސަރު ގިނަ ކުރާނެކަމެއްނެތް” އަޒުރާ ލައިބާއަށް ބަލާލުމެއްނެތި ނުކުމެގެން ދިޔައީއެވެ. ލައިބާ އުނދޯލީގައި އިސްޖެހިފައި އިނީ ދެން ހަދާނެ ގޮތެއް ނޭގި މާޔޫސްވެފައެވެ. އޭނަގެ ސިކުނޑިއަށް ދެންވަނީ އަބަދުހެން މިފަހަކަށް އައިސް އަރާ ހިޔާލެކެވެ. އެއީ އެގެއިން ނުކުމެގެން ދިއުމެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *