MA HAADHA LOABIVEYE LOABIVAA

“ރީން” އެހެންދުވަސް ދުވަހާއި ހިލާފަށް ރަޙުމަތްތެރިންނާއި ވަކިވެގެން ގޮސް ޓެކްސީއަށް އަރަން އުޅުނު ވިލާ ކޮލެޖުގެ ޔުނީފޯމްގައި ހުރި އަންހެން ކުއްޖާއަށް ވިޝާލް ގޮވާލިއެވެ. އަދި ރަޙުމަތްތެރިންގެ ތެރޭ ހުރެ ދުވެލާފައި އައިސް އާރީންގެ ގާތުގައި މަޑުކޮއްލިއެވެ.

“މިއަދު ހާދަ އަވަހަކަށް ތިދަނީ، އެންމެން އެއުޅެނީ މެރީބްރައުނަށް ދާންވެގެން، ނުދާނަންތަ” ވިޝާލް ޓެކްސީގެ ދޮރުހުޅުވައިގެން ހުރި އާރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ސިހިގެންދިޔަ އާރީންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނިތުގައި ދަޅައަޅަމުންދިޔަ ކުދިކުދި ދާތިކިތަކުން ފަހަރަކު ތިއްކެއް އާރީންގެ މޫނުގެ އެއްފަރާތުން ފައިބައިގެންދެއެވެ.

“އާން، މިއަދަކު ނޫން، މަންމަ އާއިއެކު ތަނަކަށް ދާންޖެހޭތީވެ ވަރަށް އަވަހަށް ދާންވެގެން މިދަނީ” އާރީން އަވަސް އަވަހަށް ބުނެލިއެވެ. ވިޝާލްއަށްވެސް އިތުރަށް އާރީން ހުއްޓުވާކަށް ނުކެރުނެވެ. އެހެންނަމަވެސް އާރީނަށް ކޮންމެވެސް ކަމެއްވެއްޖެކަން އެނގުނެވެ. ޓެކްސީ ދުއްވާލި ދިމާލަށް ބަލަހައްޓައިގެން ހުއްޓަ ވިޝާލްގެ ރަޙުމަތްތެރިން އޭނަގެ ގާތަށް އައިސް ހުއްޓިއްޖެއެވެ.

ވިލާ ކޮލެޖުގައި އެންމެ ފަހުއަހަރު ހޭދަކުރަމުންދާ ވިޝާލް އާއި އޭނަގެ ރަޙުމަތްތެރިން މެރީ ބްރައުންގައި ތިއްބެވެ. ކޮލެޖު ޔުނީފޯމްގައެވެ. ގެއަށް ދިއުމުގެ ކުރިން ރަޙުމަތްތެރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލުމަކީ އެމީހުންގެ އާދައެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އާރީން އެގުރޫޕުން ފެނުން މަދެވެ. އެކަމާ ކޮންމެ ކުއްޖަކުވެސް ސުވާލުކުރަނީ ވިޝާލް އާއިއެވެ.

“އޭ، ރީން އާއި ކަމަކާ ދެބަސްވެގެންތަ ތިއުޅެނީ” ރާއިދު ވިޝާލަށް ބަލާލަމުން ބުނެލިއެވެ.

“ނޫން، ކިހިނެއްވީ…ހޫމް އެއްކަލަ ވާހަކަ ފެށުނީ ދޯ، އަހަރެން ބުނެފީމެއްނު ރީންއަކީ އަހަރެންގެ ގާތް ރަޙުމަތްތެރިއެކޭ، އަދި އަހަރެން ތިބުނާފަދަ ކަމަކާ ނުވިސްނަމޭ، އެހަށް ރަނގަޅަށް ކިޔެވޭތޯއެއްނު ބަލަންވީ” ވިޝާލް ބުނެލިއެވެ.

“މިގުރޫޕުގަ ތިދެމީހުން ނޫނީ މިހާރު ރައްޓެހިނުވާ މީހަކުނެތް، އަހަންނަށް އެނގޭ ވިޝާލްގެ ހިތުގަ ރީނަށް ޙާއްޞަ މަގާމެއް ދެވިފައިވާކަން، ރީންވެސް އުޅޭގޮތުން ހީވޭ ވިޝާލްއަށް ހިތްކިޔާހެން….” މިހެން ބުނުމާއިއެކު ރާއިދުގެ ގައިގާ މޭޒުމަތީގައި އޮތް ފޮތަކުން ވިޝާލްޖެހިއެވެ. ބޭނުމަކަށްވީ އޭނަގެ އަނގަމަޑުކުރުމެވެ. އެހެންނަމަވެސް ގުރުޕޫގައި ތިބި ހުރިހާ އެންމެންގެ ދުލަކު ވިޝާލްއަކަށް ނުހިފެއްޓުނެވެ. އެއްބަސް ނުވިޔަސް ވިޝާލްގެ ހިތުގައިވެސް އޭނަގެ އެކުވެރިން ބުނާފަދައިން އާރީނަށް ޙާއްޞަ މަގާމެއް ދެވިފައިއެވެ. އެކުވެރިއަކަށްވުރެ އާރީނާއި ދޭތެރޭ ދެކެވެނީ މާގާތްކޮށެވެ. އެހެންނަމަވެސް ލޯބިވެރިއެކޭވެސް ބުނެވޭކަށް ނެތެވެ. ހިތުގައިވާ އެއްޗެއް ފާޅުކުރަން ވިޝާލް ޖެހިލުންވަނީއެވެ. ދުވަހަކުވެސް އާރީންގެ ފަރާތުން އެފަދަ އިޝާރާތެއް ނުފެންނާތީއެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް އެނބުރެމުންދިޔަ އާރީން ދާހިތްލާ ފޯވެއްޖެއެވެ. އޭނަގެ ދެއަތުން މޭގައި ހިފަހައްޓާލެވިފައިވެއެވެ. އޭސީ ކުރެވިފައި ހުރި އެކޮޓަރީގެ ފިނިކަން ސޯޅަ ޑިގްރީސެލްސިއަސްއަށް ލާފައިހުރިއިރުވެސް އާރީނަށް ފިނިކަމުގެ އިޙްސާސެއް ނުކުރެވެއެވެ. ދޭތެރެއަކުން ނޭވާނުލެވިގެން އުޅޭފަދަ ގޮތަކަށް އަނގަހުޅުވާލައެވެ. ނޫނީ މޭގައި އަތްއޮބައިގަނެގެން މީހާ ގުދަށްއޮވެއެވެ. މިކަހަލަ ސަކަރާތެއްގައި ވިއްސަކަށް މިނެޓު އުޅުމަށްފަހު އާރީން އޭނަގެ މެއިން އަތްދޫކޮއްލައިފިއެވެ. އަދި ނޭވާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދިޔައެވެ. މަޑުމަޑުން ކޮމްޕިއުޓަރ މޭޒުގެ ދޮށުގައި ހުރި ގޮނޑި ދަމާލާފައި އިށީނދެއްޖެއެވެ.

އާރީނަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވާތާ މިހާރު މަސްދުވަސްވަނީއެވެ. އޭނާ އެކަކު ގާތުވެސް އެވާހަކައެއް ނުދައްކައެވެ. ބައެއްފަހަރަށް ހުންވައްތަރުވެފައި ހުރެއެވެ. ނޫނީ މޭގައި ރިއްސައިގަތީނުން މީހާގެ ނޭވާ ހުއްޓިދާވަރުވެއެވެ. އާރިނަކީ އެއްވެސް އިރެއްގައި މާބޮޑު ބައްޔެއްވީ ކުއްޖަކަށްނުވާތީ އޭނަ ހޮސްޕިޓަލަށް ދާކަށް ގަސްދެއްނުކުރެއެވެ. ފަހަރެއްގައި މޭގަ ރިއްސާވާހަކަ މަންމަމެން ގާތު ބުނެފިނަމަ ޑޮކްޓަރަކަށް ދައްކަން ބޭނުންވެދާނެތީ އެކަން އޭނަ ސިއްރުކުރަނީއެވެ. މޭގެ ރިހުމަކީވެސް  ވަގުތީ ރިހުމަކަށްވެފައި ހުންއައިސް ގައިގަ ރިއްސަނީވެސް އެފަދަ ގޮތަކަށެވެ. އެހެންވެގެންނާއިއެކު އާރީނަށް އޭނައަށް ދިމާވަމުންދާ ކަންތައްތަކުގެ ކުޑަބޮޑުމިން އަންދާޒާ ކޮއްނުލެވެނީއެވެ.

“ދަރިފުޅާ، އާރީން…އެބައުޅެންތަ” ފައުޒިއްޔާގެ އަޑާއިއެކު ދޮރުގައި ޓަކިޖެހިއަޑުވެސް އިވުނެވެ.

“ލައްބަ މަންމާ، ފެންވަރާލައިގެން މިނިކުންނަނީ” އާރީން އޭނަގެ ކޮޓަރީގެ ބޭރުގައި ހުރި ފައުޒިއްޔާއަށް އަޑުއިވޭ ވަރަށް ބާރަށް ބުނެލިއެވެ. އަދި ގޮނޑިން ތެދުވެގެންގޮސް އެނދުގައި އުއްޑުން ހަށިގަނޑު ދަމާލައިގެން އޮށޯވެލިއެވެ.

މަދު ދުވަހެއްނޫނީ އާމުކޮށް އާރީންގެ ދުވަސް ނިމިގެންދަނީ މިފަދަ ގޮތަކަށެވެ. އާރީނަކީ އަޙްލާގު ރަނގަޅު ކިޔެވުމަށް މޮޅުކުއްޖެކެވެ. އޭނައަށް އަމިއްލަ ކޮޓަރިއަކާއި އަމިއްލަ ބޭނުމަށްޓަކައި ކޮމްޕިއުޓަރަކާއި އިންޓަރނެޓް ލާދީފައި ހުންނަނީވެސް އެހެންވެއެވެ. އާރީންގެ މައިންބަފައިން އޭނައަށް ފުރިހަމަ މިނިވަންކަން ދީފައިވެއެވެ. ސްކޫލުގައި ރަޙުމަތްތެރިންނާއިއެކު އެމީހުން ޖަހާ ސަކަރާތުގައި އާރީންވެސް ބައިވެރިވެ އުޅެއެވެ.

ކިޔެވުމުގެ އެންމެ ފަހު އަހަރަށްވެފައި ފަހު އިމްތިހާނުން ރަނގަޅު ނަތީޖާއެއް ގެނައުމަށް އާރީނާއި އޭނަގެ އެކުވެރިން މަސައްކަތްކުރިއެވެ. ހުރިހާ ކުދިންވެގެން ގުރޫޕު ސްޓަޑީޒް ކުރިއަށް ގެންދިޔައީ އާރީންގެ ގޭގައެވެ. ސަކަރާތާއި އެހެނިހެން ކުޅިވަރުތައް ހުއްޓާލުމަށްފަހު ހުރިހާ ކުދިންގެ ފުރިހަމަ ސަމާލުކަން އިމްތިހާނަށް ހުއްޓާލައިގެންނެވެ.

އިމްތިހާން ހަދާނިމި ނަތީޖާ ލިބުމާއިދެމެދު އޮތްދުވަސްތަކެވެ. އެއްއެކުވެރިއެއް އަނެއް އެކުވެރިޔާއަށް ގުޅާހެދިއެވެ. އެގޮތުން ވިޝާލް އާއި އާރީނާއި ދެމެދު އޮތް އެކުވެރިކަމުގައި ފޮރުވިފައިވާ ލޯތްބެއްވާކަމުގެ މަލަމަތި ފެންނަން ފަށައިފިއެވެ. އާރީން ގިނަވަގުތު ހޭދަކުރަނީ ވިޝާލް އާއި ވާހަކަދެއްކުމުގައި ފޯނުގައެވެ. ދެމީހުންވެސް އުއްމީދު ކުރަމުންދިޔައީ ރަނގަޅު ފެންވަރަކުން ފާސްވުމާއިއެކު ސްކޮލަރޝިޕްގައި ބައިވެރިވުމުގެ އުއްމީދުގައެވެ. އެއް ހުވަފެނެވެ. ދެމީހުންގެ މަންޒިލަކީ އެއްމަންޒިލެއްކަމުގައި ދެމީހުންވެސް ދެކުނެވެ. ކުރިއަށް ދާންބޭނުންވީ މެޑިކަލް ދާއިރާއިންނެވެ. މިގޮތަށް އެކިވާހަކަތައް ދެމީހުންގެ މެދުގައި ދެކެވެމުންދިޔަ ނަމަވެސް އެކަކަށްވެސް އަނެކާދެކެ ލޯބިވާ ވާހަކައެއް ނުބުނެވެއެވެ. ދައްކާ ވާހަކައަކިން ދެމީހުންނަށްވެސް އެކަކު އަނެކަކު ވަރަށް ޙާއްޞަކަން ޔަގީންވެއެވެ.

އިމްތިހާނުގެ ނަތީޖާ ލިބި އާރީން ބޭނުންވި ގޮތަށް އޭނައަށް ސްކޮލަރޝިޕްގެ ފުރުޞަތު ލިބިގެން ދިޔައެވެ. ނަމަވެސް ވިޝާލްއަށް އެފުރުޞަތެއް ނުލިބުނެވެ. އެހެންނަމަވެސް އޭނަގެ މައިންބަފައިން ތިބީ ވިޝާލް ބޭނުން ދާއިރާއަކުން ކިޔަވަން ރާއްޖޭން ބޭރަށް ފޮނުވާގޮތަށެވެ. ދެމަފިރިއަކަށް ލިބިފައިފާ ދެކުދިންގެ ތެރެއިން ވިޝާލްއަކީ ހަގުކުއްޖާއަށް ވެފައި އެއާއިލާއަކީ މާލޭގައި އުޅެވޭ އާއިލާއަކަށް ވާތީ ވިޝާލް ރާއްޖޭން ބޭރަށް ފޮނުވުމަކީ އުނދަގޫކަމަކަށް އެމީހުންނަށް ނުވިއެވެ. ނަމަވެސް އެމީހުން ގޮތެއް ނުނިންމާ މަޑުކުރީ ވިޝާލްގެ އެދުމުގެ މަތިން އޭނައަށް ސްކޮލަރޝިޕްގެ ފުރުޞަތު ހަމަޖެހޭތޯ ބެލުމަށެވެ. އާރީނަށް ވިޝާލްގެ ހިތުގައި ޙާއްޞަކަމެއްދެވިފައިވުމުން އޭނަ ބޭނުންވީ އާރީނާއި އެއްޔުނިވަރސިޓީއަކަށް ދިއުމަށެވެ. އެފުރުޞަތު އޭނައަށް ލިބުނީ ވަރަށް އުނދަގުލުންނެވެ. މައިންބަފައިންގެ އެހީއާއިއެކު ލިބުނު ފުރުޞަތާއިގެން ވިޝާލް ފުރަން ބޭނުންވީވެސް އާރީނާއި އެކުގައެވެ. އޭރު ކިޔަވަން ފުރަން ފަސްމަސް އޮތުމާއިއެކު ވިޝާލް ބޭނުންވީ ފުރުމުގެ ކުރިން އާރީނަށް ލޯބި ހުށަހެޅުމަށެވެ. ގާތް އެކުވެރިންގެ މަޝްވަރާހުރި ގޮތުންނެވެ. އެކުވެރިންނާއިއެކު ބޭރަށް ނުކުމެއްޖެނަމަ އެމީހުން ބުނެއުޅެއެވެ. “ވިޝާލް ތިހެން ހުއްޓަ ދެންފެންނާނީ ތެޔޮނާށި ކާޅުގެންދާތަން…ހެ ހެ ހެ…” މިހެންނެވެ. އެއާއިއެކު ދިމާކުރާފަދަ ހިނިގަނޑެކެވެ.

އާރީނަށް ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އޭނަގެ ހަށިގަނޑަށް ކުރެވޭ އުނދަގޫތައް އިތުރުވެ މީހާ ވަރުބަލިވެ ނޭވާ ކުރުވާހެން މާބޮޑަށް ހީވާންފަށައިފިއެވެ. ހަށިގަނޑުގެ ބައްޓަން ރީތިވެފައި ބޭކާރު މަސްތަކެއް ނެތަސް އޭނަ ގަސްދުކުރީ ކުޑަކޮށް ކަސްރަތުކޮށް ހަދާލުމަށެވެ. ފަހަރެއްގައި ކޮލެސްޓްރޯލް ހަށިގަނޑުގައި ގިނަވަނީކަމަށް ހީވެފައެވެ. އެހެންވެ އާރީންގެ ދޮންބެގެ އަންހެނުން ކާމިލާ އާއިއެކު އިރުއޮއްސޭއިރު ހިނގަން ނުކުމެއެވެ. ނަމަވެސް އެކަންވެސް ވީ އިތުރު ވޭނަކަށެވެ. މާއަވަހަށް ނޭވާ ކުރުވަނީއެވެ. އެތަށް އިރަކު ހިނގައިނުގަނެވިފަ އާރީން މޭގައި އަތްއަޅައިގެން މަގުމަތީގައި ހުންނަން ފެށުމުން އެކަމާ ކާމިލާ ސުވާލު ކުރަންފެށިއެވެ. އެވަރުގެ ކަމެއްވެސް ބޮޑުކޮއްލާނެތީވެ އާރީން އިތުރަށް ހިނގަންދިއުން ހުއްޓާލިއެވެ. ގޭތެރޭގައި އެކަން ފާހަގަކުރެވިގެން އެކަކުވެސް ނޫޅެއެވެ. ނަމަވެސް އާރީންގެ ނަޒަރުގައި ފައުޒިއްޔާއަށް ފަހަކަށް އައިސް ގޭގައި ކުޅިމަޑުކޮށް އެއްވެސް އެއްޗެއް ހެދޭކަމަކަށްނުވެއެވެ. ގޭގެ ހުރިހާ އެންމެނަށް ކުޅި ރަހައެއް ނުދިނަސް އާރީން ހީވާނީ ކުޅިވެގެން ހަލާކު ވެދާނެހެންނެވެ. އެއީ މާބޮޑު ކަމެއްކަމަށް ފައުޒިއްޔާ ނުދެކުނެވެ. ބައެއް ކުދިންނަކީ ކުޅިކޮށް ކާން ބޭނުންނުވާ ކުދިންކަން އޭނައަށް އެނގެއެވެ.

“ހެލޯ…ރީން ބިޒީތަ” ފޯނުން ވިޝާލްގެ އަޑުއިވުނެވެ.

“ކޮންމެ ރެއަކު ގުޅާފަ ހަމައެހެން އަހަންޖެހޭ ދޯ….ސާބަސް ވިޝާލް” އެނދުގައި ނިދަންއޮތް އާރީން ކަންފަތުގައި ޖަހާފައިވާ ހެޑްސެޓުގެ މައިކް އަނގަޔާއި ކައިރިކޮއްލަމުން ވާހަކަދެއްކިއެވެ.

“އާދަވެފަ…ހެ ހެ ހެ…ރީން” ވިޝާލް ހީނލާފައި އާރީނަށް ގޮވާލިއެވެ.

“ހޫމް، އެބަ އޮތީމޭ، ބުނެބަލަ…” އާރީން ބުނެލިއެވެ.

“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން، ދުވަސްކޮޅެއްވެއްޖެ ރީން ކައިރީ އެވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ” ވިޝާލް ރަޙުމަތްތެރި ރާގެއްގައި ބުނެލިއެވެ.

“އަަވަހަށް ބުނޭ، ކީއްވެ ކުރިން ނުބުނެ މަޑުކުރީ…މިހާރު ދެން އަވަހަށް ބުނޭ” އާރީން ޝައުގުވެރިވެފައިވާވަރު އޭނަގެ އަޑުން ވިޝާލަށް ނަގައިގަނެވުނެވެ.

“މިރެއަކު ނޫން، އަންނަ މަންތު ބާވީހުގަ ރޭގަނޑު ބާރަޖަހާއިރު” ވިޝާލް ދުވަހަކާއި ވަގުތެއް ކަނޑައެޅިއެވެ.

“އަންނަ މަންތޭ، އޯ…ސެޕްޓެމްބަރު ބާވީސް، އަހަރެންގެ އުފަންދުވަސް، ވިޝާލް އަހަންނަށް ސަޕްރައިޒެއް ދެނީތަ، ނޫން…ޔޫ ނޯ އައި ޑޯންޓް ލައިކް ސަޕްރައިޒަރސް” އާރީންގެ ހިތް އެދުވަހުގެ އެވަގުތަށް އިންތިޒާރުކުރާނަންކަމަށް ބުނިކަމުގައިވިޔަސް އޭނަ ވިޝާލްއަށް އެކަމެއް ނުދެއްކިއެވެ.

“އާން، އާރީނަށް ޚާއްޞަ ދުވަހަކަށްވާތީ އެދުވަހު ބުނަން ނިންމީ، ވާހަކައިގެވެސް ޚާއްޞަކަމުން” ވިޝާލް ބުނެލިއެވެ.

“އަދި އެބައޮތް މަހެއްހާ ދުވަސް، އެހާ ދުވަހު މަޑުކުރަންވީތަ…ނުވާނެ ވިޝާލް، ޕްލީޒް ދެން ބުނެބަލަ” އާރީން ބޭނުންވީ އޭނަގެ އާދޭސްކުރުން ތަކާއިއެކު ވިޝާލް ބުނަންބޭނުންވެފައިވާ އެއްޗެއް އޮޅުންފިލުވުމަށެވެ. ފަހަރެއްގައި އޭނަގެ ހިތުގެ އަޑު ވިޝާލާއި ހަމައަށް ފޯރީބާއޭ ހިތަށްއެރުމުންނެވެ. ނަމަވެސް ވިޝާލް އާދައިގެ މަތިން އޭނަގެ ބަހުގައި ހިފެހެއްޓިއެވެ. އެރޭގެ ފޯންކޯލު އެހެން ރޭރެއަށްވުރެ ދިގުވެގެންދިޔައެވެ.

އިންތިޒާރަކީ ކުރަން ކިހާ އުނދަގޫ އަދި ކިހާ ވޭންދެނެވިކަމެއްކަން އާރީނަށް އިޙްސާސްކުރެވުނީ އަދިކިރިޔާއެވެ. އެވެސް ޚާއްޞަކޮށް އެކަމަކަށް ހިތްއެދި ގޮވާ ކަމަކާއެވެ. ނަމަވެސް ކެތްތެރިވުމަކީ އިންސާނާގެ ގައިގާ ހުންނަންޖެހޭ މާތްސިފަތަކުގެ ތެރެއިންވާ ސިފައެކެވެ. ކެތްތެރިކަމަކީ ތިމާއަށް ކުރިމަތިވާ އިމްތިހާނެއްކަމުގައި ދެކުމަށް އާރީންގެ މަންމަ ބުނާއަޑު އޭނައަހައެވެ. އެހެންވެ ވަގުތު ޖެހެންދެން އޭނަ ވިޝާލަށް އިންތިޒާރުކުރާނީ ކެތްތެރިކަމާއިއެކުގައެވެ.

އޮޅާލާ ސާލެއްފަދައިން ދުވަސްތައްވެސް މާޒީއާ އެކުވަމުންދިޔައެވެ. ތަފާތަކީ ދުނިޔޭގައި އިންސާނާ ހޭދަކުރާ ދުވަސްތައް މާޒީވެ ދިއުމަށްފަހު އޮޅާލާ ސާލުފަދައިން އަލުން ނިއުޅާނުލެވޭނެކަމެވެ. ފާއިތުވާ ދުވަހެއް އަނބުރާ ލިބުމެއްނުވެއެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެނީ އެހެންވެއެވެ. ބޭކާރުވެގެންދާ ކޮންމެ ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން ފަހަކަށް އައިސް ވިސްނާމީހުން މަދެވެ. ޒުވާނުންގެ ތެރޭގައިވެސް ގިނައީ މަޖަލާ ސަކަރާތުގައި ވަގުތުތައް ނަގާލާ މީހުންނެވެ.

އާރީންގެ މައިންބަފައިން އޭނައަށް ދީފައިވާ ތަރުބިއްޔަތަކީ އެހެންމައިބަފައިންނަށް ރިވެތި ނަމޫނާއެކެވެ. ހެޔޮލަފާ ތަޤުވާވެރި ދަރިއަކު ހަމަ ކޮންމަ މަޔަކާއި ބަފަޔަކުވެސް ބޭނުންވާނެއެވެ. ހަމައެގޮތަށް އެފަދަ ދަރިއަކު ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ކުޑައެއްނޫނެވެ. އާރީންގެ ކެތްތެރިކަމަށް ނިމުމެއް އައެވެ. ސެޕްޓެމްބަރު މަހުގެ ބާވީސްވަނަ ދުވަހު ގޭތެރޭގައި އެއްއަޑަކަށް އޮތީ އުފަންދުވަހުގެ ތަހުނިޔާ ކިޔުމެވެ. އާރީނަށެވެ. އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމަށް ނިމުމެއްނެތްއިރު ފައުޒިއްޔާ އާއި ނިހާދުގެ ދުޢާއަކަށްވީ އެމީހުންގެ ހަގުދަރިފުޅުގެ އުމުރު ދިގުކުރައްވާ އެދަރިފުޅުގެ ހިތުގެ މުރާދުތައް ހާޞިލުވުމެވެ. މުޖުތަމައުއަށް ފައިދާހުރި ދަރިއަކަށްވެ ނަމޫނާ ދަރިއަކަށްވުމެވެ. މައިންބަފައިންގެ ކޮންމެ އުފަލަކީ އާރީންގެވެސް އުފަލެވެ. އާއިލާގައި ދޮއްޓަށްތިބި ކުދިންގެ ފަރާތުން އެކި ކަހަލަ ބޭނުންތެރި ހަދިޔާތައް އާރީނަށް ލިބުނެވެ.

އާރީންގެ ހާލު ދަށަށްދާން ފެށުމާއިއެކު ނުކެވުމުގެ އިތުރުން މީހާގެ ހަށިގަނޑުން އެކަންތައްތައް ފެންނަން ފަށައިފިއެވެ. ހަށިަގަނޑު އަނަރޫފަވަމުން ދިއުމާ އަބަދު ވަރުބަލިވެ ނޭވާ ކުރުވުމާއިއެކު ކަރުން ލޭލުންވެސް ގިނަވެއްޖެއެވެ. ރަނގަޅަށް ނިދިޔަސް އާރީންގެ ދެލޯކައިރި ވަޅުވަދެ މަޑު އަޅިކުލައެއް އަރަންފަށައިފިއެވެ. އެކަމާ ފައުޒިއްޔާ ކަންބޮޑުވުން ފާޅުކުރެއެވެ. ދަރިފުޅު ނުބައިމަގަކުން ނުދިޔަކަމުގައި ވިޔަސް އޭނައަށް ހީވަނީ އާރީން ރޭގަނޑު ނުނިދާ އުޅެނީހެންނެވެ. އެކަމާ ނަޞޭޙަތްތެރިވަމުންދިޔައެވެ. ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަން އާރީނަށްވެސް އެނގެއެވެ. ގޭގައި އުޅޭ ދައްތަ އާއި ފަހަރިންގެ ވާހަކަތަކާއިއެކު އާރީންގެ ލޯކައިރީގައި ހުންނަ އައިބުކަން ފޮރުވަން ތަފާތު ކުރީމްތައް ބޭނުންކުރަން ފެށިއެވެ.

އުފަންދުވަހުގެ ރޭ ރަޙުމަތްތެރިންނާއިއެކު ބޭރަށްދިއުމަށް އާރީން ތައްޔާރުވަމުންދިޔައެވެ. އެދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބުނު ޖިންސާއި ގަމީސްކޮޅު ގަޔަށް ހެޔޮވަރު ކޮއްލުމާއިއެކު އަލަމާރީގެ ދޮރުފަތުގައި ހުރި އިސްކޮޅުވަރުގެ ބޮޑުލޯގަނޑުން ބަލާލާފައި ދެފަރާތަށް އެނބުރި ފަރިބަލާލިއެވެ. ސްކޫލަށް ދާއިރު އައްސާލާފައި ހުންނަ އާރީންގެ ކަޅުކުލަގަދަ ފަންއިސްތަށިކޮޅު ވަނީ ރީތިކޮށް މިނިވަންކަމާއިއެކު ދޫކޮއްލެވިފައެވެ. ރީތިވާ މޭޒުގެ މަތީގައި ހުރި ސެންޓުފުޅިން ކަރުގެ ދެފަރާތަށާއި އަތަށް ސެންޓު ޖަހާލުމާއިއެކު އެނދުމަތީގައި އޮތް އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. ކާކޮޓަރީގައި އެއްޗެހި ހޫނުކުރަން އުޅުނު ފައުޒިއްޔާގެ ގާތުގައި ދަނީކަމުގައި ބުނެ އަތުގައި އޮތް އަތްދަބަހުގެ ދިގު ވާގަނޑު އެއްފަރާތަކަށް ވާގޮތަށް އަޅުވާލައިގެން ގޭން ނުކުތުމަށް ހިނގައިގަތެވެ. އެހިނދު ލަސްނުވެ އައުމަށް ފައުޒިއްޔާ ހަނދާންކޮއްދިނެވެ. އާރީނަށް ވިޝާލްގެ ވާހަކަ މަތިން ހަނދާންވުމާއިއެކު ކުޑަކޮށް ލަސްވެދާނެކަމަށް އޭނަގެ މަންމައަށް އަންގާލިއެވެ.

އެކުވެރިންނާއިއެކު މާލޭގެ ނަން މަޝްހޫރު ބޮޑު ރެސްޓޯރެންޓެއްގައި  އުފަންދުވަސް ފާހަގަ ކުރުމަށްފަހު އާރީނާއި އޭނަގެ ރަޙުމަތްތެރިން ނުކުތީ ގެއަށް ދާށެވެ. މަޖާވާހަކަތަކާއިއެކު ހީސަމާސާތައް ކުރުން އޮތެވެ. އެތަނުން ނުކުމެވެންދެންވެސް އެކަން ކުރިއަށް ދިޔައެވެ. އާރީނާއިއެކު އެތަނަށް އައީ ލިއުޝާއެވެ.

“ހިނގާ ދަމާ” ރެސްޓޯރެންޓުން ނުކުތްގޮތަށް ލިއުޝާ ބުނެލިއެވެ.

“ލިއު، ޖައުބުނީ ލިއު ގެއަށް ލާދެން ދާނީ އޭނަޔޯ، އެހެންވެ އަހަރެން ބުނެފިން ރީން ކައިރީ އަހަރެން އޭނަ ގެއަށް ގެންގޮސްދީފާނަމޭ” އާރީންގެ ފަހަތުގައި ހުރި ވިޝާލް ކުރިއަށް ނުކުމެ ލިއުޝާ އަށް ބުނެލިއެވެ.

“އޯ އެހެންތަ، ތިވީ މާރަނގަޅަކައްނު، އަހަންނާ ޖައު އެކީގައި ނުދާންނިންމީ ރީން އެކަނިވެދާނެތީވެ، އެކަމަކު މިހާރު އެނގިއްޖެ ރީންގެ ބައިވެރިއަކު އެބަހުރިކަން” ލާނެތްގޮތަކަށް ލިއުޝާ އާރީންގެ އަތުގައި ޖަހާލަމުން ވިޝާލް އާއި ދެމީހުންނަށް ހީނލާފައި ބުނެލިއެވެ.

“ދެން ލިއު…” އާރީން ލަދުވެތި ގޮތަކަށް ބުނެލިއެވެ. އެއަޑާއި އެއްވަރަށް އާރީން ބުނެލިގޮތަށް ރާއިދު އެހެންބުންޏެވެ. އެހިނދު ހުރިހާކުދިންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެކިކުދިން އެކިދިމާލަށް ދިއުމަށް ހިނގައިގަތުމާއިއެކު ވިޝާލްވެސް އާރީން އާއިއެކު އާރީންގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ދެމީހުން އެކުގައި މާލޭގެ ބައިބޯ މަގުތަކުން ހިނގަމުންދިޔައީ އެކުގައި ކަމަށްވިޔަސް އެކަކުވެސް ބަހެއްނުބުނެއެވެ. ދޭތެރެއަކުން ދެމީހުން ދެމީހުނަށް ބަލާލާފައި ބަދަލުކޮއްލާ ހިނިތުންވުން ފިޔައި އިތުރު ކަމެއް ނުހިނގައެވެ. ތަންކޮޅަކަށް ހިނގުމާއިއެކު އާރީން ވަރުބަލިވާ ގޮތްވެއްޖެއެވެ. ފުންކޮށް ނޭވާ ލެވެން ފެށުމުންވެސް އޭނަ އެކަން ވިޝާލްއަށް ހާމައެއްނުކުރިއެވެ. މިގޮތަށް ހިނގަމުންގޮސް މީހުން މަދު ގޯޅިއެއްގެ ކަންމައްޗަށް އެރުމާއިއެކު އާރީންގެ އަތުގައި ދޭތެރެއަކުން ޖެހިލާ ވިޝާލްގެ އަތުން އޭނަގެ އަތުގައި ހިފައިފިއެވެ. ސިހިފައި އާރީންއަށް ބަލާލެވުމާއިއެކު ހުއްޓެވުނެވެ. ވިޝާލްވެސް މަގަށް ނަޒަރު ހިންގާލުމާއިއެކު މަގުގެ އެއްފަރާތެއްގައި ހުރި ކަރަންޓު ކޭބަލް ފޮއްޓެއްގެ ކައިރިއަށް އާރީންގެ އަތުގައި ހިފައިގެން ގޮސް މަޑުކޮއްލައިފިއެވެ.

“ވިޝާލް…” އާރީނަށް ހައިރާންކަމާއިއެކު ގޮވާލެވުނެވެ.

“ރީން…ކިހިނެއްވަނީ؟ ރީނަށް ކޮންމެވެސް ކަމެއް އެބަވޭ، ހީވަނީ ހިނގަން އުނދަގޫވެގެން އުޅޭހެން، ނޭވާލާން އުނދަގޫވަނީތަ…ބުނެބަލަ…” ވިޝާލް ކަންބޮޑުވުމާއިއެކު އަހާލިއެވެ. އާރީނަށް ލިބުނީ އިތުރު ސިހުމެކެވެ. ވިޝާލް އޭނައަށް އެހާވަރަށް ބެލިހެއްޔެވެ. ގައިމު ނުބަލާނަމަ އެހެންބުނާކަށް ނޭނގުނީހެވެ. އޭނަ ހީކުރީ ވިޝާލްގެ ފަރާތުން އެހެންކަހަލަ ޢަމަލެއް ފެންނަން އުޅެނީ ކަމަށެވެ. އާރީން ކިޔާ ވާހަކަތަކާއި ބަލާ ފިލްމުތަކުގައި ފެންނަފަދަ ދެލޯބިވެރިންގެ ލޯބީގެ ވަގުތުކޮޅުދައްކުވައިދޭ ފަދަ ސީނެއް އަންނަން އުޅުނީ ކަމަށެވެ.

“މާބޮޑަށް ސަކަރާތް ޖެހުނީކަންނޭގެ، ވަރަށް ވަރުބަލިވަނީ” ނުބުނަން ހުރެފަވެސް އާރީން ބުންޏެވެ.

“ޓެކްސީއެއް ނަގަންތަ، ޓެކްސީއެއްގަވެސް އަހަރެން އާރީން ގެންގޮސްދީފާނަމޭ” އާރީންގެ އަތްތިލާގައި ބާރަށް ހިފާލަމުން ވިޝާލް ބުނެލިއެވެ. އާރިންއަށް އެވަގުތު ވިޝާލްގެ ލޮލުގެ ތެރެއިން ފެނުނީ އޭނަ ބޭނުންވާފަދަ މަންޒަރެކެވެ. ހިތްއުފަލުން ފޮޅުނުކަހަލައެވެ. މަޑުމަޑުން އާއެކޭ ބުނެ ބޯޖަހާލިއެވެ. އެއާއިއެކު ވިޝާލް އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާ ހުރި ހިސާބާ އެންމެ ކައިރިވާނެހެން ހީވާ ޓެކްސީ ސެންޓަރާއި ގުޅާލިއެވެ.

ޓެކްސީގައި ހަމަޖެހިލުމާއިއެކު ވިޝާލް، މިހާރު ރަނގަޅުތޯ އާރިންނާއި ސުވާލުކުރިއެވެ. އާރީން ހިނިތުންވެލަމުން އާއެކޭ ބުނެ މިފަހަރުވެސް ބޯޖަހާލީއެވެ. އާރީންގެ އަތުގައި ހިފާލައިގެން ޓެކްސީގައި ވިޝާލްއިނެވެ. ދެމީހުންގެ ހިތަށްވެސް އެވަރުން ހިތްހަމަޖެހުމާ އުފާ ލިއްބައިދިނެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ މީހާގެ އަތުގައި ހިފާލުމާއިއެކު ގާތުގައި ކުޑަހިނދުކޮޅަކަށްވެސް މަޑުކޮއްލުމުގެ ފުރުޞަތު ލިބުމަކީ ނަސީބެކެވެ. މަޑުމަޑުން އާރީން އޭނަގެ ބޯ ވިޝާލްގެ ކޮނޑުގައި ޖައްސާލައިގެން އިނދެ ދެލޯ މަރާލިއެވެ. އޭނަގެ މޭގެ ރިހުން ގަދަވަނީއެވެ. ހިތާހިތާ ދުޢާކުރަމުންދިޔައީ ވިޝާލް އާއިއެކު އިންދަ އެއްވެސް ކަމެއް ނުވުމަށްއެދިއެވެ. ކުއްލިއަކަށް އާރީންގެ ސަމާލުކަން ހުއްޓުނީ ޓެކްސީގެ ތެރެއިން އިވެމުންދިޔަ ރޭޑިއޯ ޕްރޮގްރާމެއްގެ އަޑަށެވެ. އަޑުއެހުންތެރިއެއްގެ އެދުމުގެ މަތިން ގެނެސްދިންލަވައަށެވެ. ލަވައިން ހިތަށްތަދުކުރުވާފަދަ ބައެއް ލަފްޒުތައް އިވުނެއްކަމަކު އެއީ ލޯބިވެރިޔެއްގެ ހިތުގެ އާހުގެ އަޑުކަން ގައިމެވެ.

ގިނައިރެއްނުވެ ގެއަށް އާދެވުނެއްކަމަކު އާރީން އިނީ ކާރުގައި އިންނަންޖެހުމުން މޭނުބައިކޮށް ހޮޑުލަވާގޮތްވެފައެވެ. ކާރުން ފޭބިގޮތަށް އޭނަ ދޮރާށި ދޮށުގައި މަޑުކުރަން ބޭނުންނުވީ އެހެންވެއެވެ. ނަމަވެސް ވިޝާލް އޭނަގެ އަތުން ދުލެއްނުކުރިއެވެ.

“މިހާއިރުވިއިރުވެސް ނާހާނަންތަ އަހަރެން މިރޭ ބުނަން އުޅުނީ ކޮންވާހަކައެއްތޯ” ވިޝާލް އާރީނަށް ބަލާލަމުން ބުނެލިއެވެ. އާރީން ވިޝާލްއަށް ބަލާލާފައި ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނައަށް އެތަނުގައި ހުންނަން އުނދަގޫވަނީއެވެ. މޭގައި އުފުދެމުންދިޔަ ތަދުވަނީ ހައްތަހާ ގަދައެވެ. އޭނަ ބޭނުންވަނީ އަވަހަށް އޭނަގެ ކޮޓަރިއަށް ދާށެވެ. ޕެނެޑިން ގުޅައެއް ކާލައިގެން އެނދުގައި އޮށޯވެލައިގެން އޮންނާށެވެ. އެކަމަކު ހިތްއެކަމާ އެއްބަހެއްނުވެއެވެ. ވިޝާލް އޭނަ ކައިރީ ދާން ނުބުނާހާ ހިނދަކު ހުރިތަނުން ގުޑިލަންވެސް އޭނަ ބޭނުމެއްނުވެއެވެ. ހަށިގަނޑުގައި ކިތަންމެބޮޑު ވޭނެއް އެޅިކަމުގައިވިޔަސްއެވެ.

“ހެޕީ ބާތްޑޭ…” ވިޝާލް އޭނަގެ ޖީބުން ނެގި ކުޑަފޮށި އާރީނަށް ދިއްކޮއްލަމުން ބުނެލިއެވެ.

“ގިފްޓެއްވެސް ގެނައިންތަ؟ ތެންކިއު…” އާރީން ހަމަޖެހޭކަން ދައްކަން މަސައްކަތްކުރިއެވެ.

“ބަލާބަލަ، އަހަންނަށް އަސްލު ނޭނގުނު ދޭނެ އެއްޗެއް އެހެންވެ، ހޯޕް ޔޫ ލައިކް އިޓް” ވިޝާލް މޫނަށް ވައްތަރެއް ޖައްސާލަމުން ކަނދުރާގައި އަތްހާކާލާފައިބުނެލިއެވެ. ފަހަރެއްގައި އާރީނަށް ކަމުނުގޮސްދާނެއޭ ހިތާއެވެ.

އާރީން އެކުޑަފޮށި ހުޅުވާލިއިރު އޮތީ ވިޔެފައިއޮތް އަތުގަ އަޅާ އެތިކޮޅެކެވެ. އޭގައި އެއްފަރާތްވަނީ ފިޔާތޮށިކުލައިންނެވެ. އަނެއްފަރާތްވަނީ މަޑުނޫކުލައަކުންނެވެ. ފިޔާތޮށިކުލައިން ފެންނަން އޮތް ފަރާތުގައި އާރީންގެ ނަންޖަހާފައިވާއިރު މަޑުނޫކުލައިގެ ފަރާތުގައި ވަނީ ވިޝާލްގެ ނަންޖަހާފައެވެ.

“ވަރަށް ލޯބި… އަހަރެންގެ އަތުގަ އަޅުވައެއްނުދޭނަންތަ” އާރީނަށް ކަމުދިޔަކަން އެނގުމުން ވިޝާލްގެ ހީނލުމާއިއެކު އާރިން އެދުނެވެ. ވިޝާލް އަވަސް އަވަހަށް އާރީންގެ ކަނާތުގައި އޭތިކޮޅު އައްސާލަދިނެވެ. އެވަގުތު އާރީން ކެއްސައިގަތެވެ. އެއާއިއެކު މޭގައި އަތްއަޅާލައިގެން ގުދުވެލި އާރީންގެ ދެލޮލުން ކަރުނަފާއްދާލައިފިއެވެ. އަނގަމަތީ އެޅި އަތަށް ސިއްރުން ބަލާލެވުނެވެ. ނަސީބެކެވެ. އޭނަ އެގޮތަށް އެބަލާލީ ކެއްސާއިރު ކަރުން ލޭއަންނާތިއެވެ. ފުރަތަމަ ކެއްސާލުމުން ލޭނެތަސް ދެން ގިނައިރެއްނުވާނެކަން އާރީނަށް އެނގެއެވެ.

“ރީން އޯކޭތަ….ބަލީތަ” ވިޝާލްއަށް ޝައްކެއްގެ ތެރޭގައި ހުރެ އެހުނެވެ. މިފަހަރުވެސް އާރީން ހިންދެމިލުމާއިއެކު ހިނިތުންވެލާފައި ދެފަރާތަށް ބޯހޫރުވާލިއެވެ. ގިނަވާހަކަތަކެއް ނުދެއްކުން އެއީ އެންމެ ބުއްދިވެރިގޮތްކަމުގައި އޭނަ ދެކުނެވެ. އެކަން ނޭނގި ހުރި ވިޝާލް ވާހަކަދައްކަން ފެށިއެވެ.

“އަން، މިވެސް ރީނަށް، އެކަމަކު މީތި ބަލަންވާނީ ރީން އެކަނިވީމަ، މީގަ އޮންނާނެ އަހަރެން ރީން ގާތު ބުނަންބޭނުންވެގެން އުޅުނު ވާހަކަ، އަހަންނަށް ޖަވާބެއް ދޭންވާނެ…އެކަމަކު މާލަސްނުކުރައްޗޭ، ވަރަށް ކެތްތެރިކަން ކުޑަވާނެ އަހަރެން…އެނގެއެއްނު” ވިޝާލް ފިރިހެނަކަށްވިޔަސް އާރީންގެ ކުރިމަތީ ޖެހިލުންވެހުރެ ބުނެލިއެވެ. އާރީންގެ ލޮލުން ތަފާތު ވިދުމެއް ފެނިގެންދިޔައެވެ. ވިޝާލް ދިއްކޮލި ސިޓީއުރައިގައި ހިފުމާއިއެކު އޭގައިވާ އެއްޗެއް ބަލަން އޭނަ ބޭނުންވިއެވެ. ދެވަނަ ފަހަރަށް ކެއްސައިގަތުމާއިއެކު އާރީން ގޭތެރެއަށް ވަނުމުގެ ހުއްދައަކަށް ވިޝާލްގެ ކައިރިން އެދުނެވެ. ބޭރުގައި ހުރުމުން މާފިނިވަނީކަމުގައި ބުނެ އާރީން އުޒުރެއް ދެއްކިއެވެ. ވިޝާލް އެކަން ގަބޫލުކޮއްލުމަށްފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ. އާރީނާއި ސަލާމްކޮއްލުމަށްފަހުއެވެ.

ދޮރާށި ލައްޕާލި އާރީނަށް މޭގައި އަތްއަޅާލެވުނެވެ. އަވަހަށް ކޮޓަރިއަށްގޮަސް ވަނެވެ. އޭރުވެސް ގޭގައި ނުނިދާ މީހުންއުޅެއެވެ. ސޯފައިގައި އިން ކާމިލާ ގޮވަގޮވާ އިންދާ އަނގައިންވެސް ނުބުނެ ގޮސް އާރީން ކޮޓަރިއަށް ވަނުމުން ވަރަށް ހައިރާންވިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހެވެ. އާރީން އަޑުން އަޑުނަގާ ރޯއަޑުއިވޭހެން ކާމިލާއަށް ހީވާންފެށިއެވެ. ޔަގީންކޮއްލުމަށް ޓީވީގެ އަޑުމަޑުކޮއްލާފައި އާރީންގެ ކޮޓަރި އާއި ދިމާލަށް ސަމާލުވެލިއެވެ.

“ކާމި، ތި ޓީވީގެ އަޑުމަޑު ނުކޮއްބަލަ…” ކާމިލާގެ ފިރިމީހާ ހާނިމް ބުންޏެވެ.

“މަޑުކޮއްބަލަ، ރީންކޮއްކޮގެ އަޑެއް ނޫންތަ އެއިވެނީ” ކާމިލާ އަތުގައި އޮތް ރިމޯޓާއިއެކު ހާނިމްއަށް އަޑުމަޑު ކުރުމަށް އިޝާރާތްކޮއްލަމުން ބުނެލިއެވެ.

“ކިހިނެއްވީބާ…އެއީ ހަމަ އާރީންގެ އަޑު” ފިލްމު ބަލަން ކާމިލާގެ ދެމަފިރިންނާއިއެކު އިން އާރީންގެ އެއްބަނޑުއެއްބަފާ ދައްތަ އިބާ ބުނެލިއެެވެ. އެންމެންނަށް އެއްފަހަރާ ތެދުވެވިއްޖެއެވެ. ދުވަފައިގޮސް އާރީންގެ ކޮޓަރީގެ ދޮރުހުޅުވާލިއިރު ކަމަކުދާކަށްނެތެވެ. އާރީން އޮތީ ޓައިލްސްތަކުގެ މަތީގައެވެ. ކެއްސަކެއްސާފައި ރޮނީއެވެ. އަނގައިން ފައިބަނީ ރަތްލެޔެވެ. އިބާއަށް މަންމާއޭ ކިޔާ ހަޅޭލަވައިގަނެވުނު އިރު ދުވެފައި ވަތް ހާނިމްގެ އަތްދަނޑިމައްޗަށް އާރިން އުފުލާލައިފިއެވެ. ކާމިލާއަށް ލިބުނު ޝޮކުން މީހާ ގަނޑުވީއެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ފައުޒިއްޔާ އާއި ނިހާދުވެސް ނުކުތެވެ. ގޭގައި އެވަގުތު ތިބިއްޔާ ތިބިބަޔަކު ނުކުތެވެ. އެންމެން ހާސްވެގެން އުޅެގަތްވަގުތު ނިހާދު ސިކުނޑީގެ ބޭނުންހިފިއެވެ. އަވަހަށް ދަރިފުޅު ހޮސްޕިޓަލަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސިއެވެ. ހާނިމްގެ އަތުގެތެރޭގައި އޮތް އާރީން ހުއްޓުމެއްނެތި ކިޔަމުންދިޔައީ އޭނައަށް ތަދުވާކަމަށެވެ. ތަދުވަނީ ކޮންތާކަށްކަމެއް ނުބުނެއެވެ. ފައުޒިއްޔާއަށް ރޮވިއްޖެއެވެ. ކަރުން ލަމުންދިޔަ ލެޔާއިއެކު ދަރިފުޅުމަރުވަނިއްޔޭ ހިތާ ލިބުނު ނުތަނަވަސްކަމާއި ހިތްދަތިކަމެއްގެ ބޮޑުކަމުންނެވެ.

ހޮސްޕިޓަލުގައި ވަގުތުން އެޑިމިޓް ކުރެވި އާރީނަށް ފަރުވާދޭން ފެށިއެވެ. އާއިލާގެ ކޮންމެ މެންބަރަކު އަނެއްމެންބަރު ކައިރީ އަހަނީ އާރީނަށް ވީކީއްތޯ އޮޅުންފިލާތޯއެވެ. އާރީން އޭނަގެ ފުރާނައަށް ގެއްލުމެއްވާފަދަ ކަމެއް ކުރީބާއޭ ފައުޒިއްޔާއަށް ބުނެލެވުނެވެ. އެންމެނަށްވެސް ފައުޒިއްޔާ ބުނިއެއްޗެއްގެ މާނަ އެނގި ހާސްކަމުގެ ތެރެއިން އެކިމީހުންގެ ހިޔާލުތައް ފާޅުކުރަންފެށިއެވެ.

ޑޮކްޓަރުން މަސައްކަތްކުރީ އާރީން ލޭލަމުންދާތީވެ އެކަން މަނާކުރެވޭތޯއެވެ. އަދި އެކިއެކި ޓެސްޓުތައް ހަދަންފެށިއެވެ. އާރީންގެ ވަރުދެރަވެ އެނދުގައި ދިރުމެއްނުވާ މަސްގަނޑެއް އޮތްހެން ހަރަކާތް ކެނޑިގެންދިޔައެވެ. ހުރިހާ ޑޮކްޓަރުންވެސް ހާސްކަމުގެ ތެރެއަށް ގެނައިވަގުތުކޮޅަކަށް އެވަގުތު ވެގެންދިޔައެވެ. ނަމަވެސް ހުރިހާކަމެއް ކޮންޓްރޯލުގެ ދަށަށް ގެނައި ޑޮކްޓަރުންގެ ޓީމުގައި އިސްވެހުރި ޑޮކްޓަރގެ ކުޅަދާނަކަމާއި ހުނަރުވެރި ތަޖުރިބާގެ ސަބަބުންނެވެ.

ދެގަނޑިއިރަށްވުރެ ގިނައިރު ވީފަހުން ޑޮކްޓަރެއް ނުކުމެ އާރީންގެ އާއިލާގެ މީހުންނާ ބައްދަލުކުރިއެވެ. އަދި އާރީންގެ ހާލު މިވަގުތަށް ކޮންޓްރޯލް ކުރެވައިފައިވާ ވާހަކަ ބުންޏެވެ. ޑޮކްޓަރ މިވަގުތަށޭ ބުނުމުން އެކަމާ ނިހާދު ސުވާލުކުރިއެވެ. ހެދުނު ޓެސްޓުތަކުގެ ރިޕޯޓްތައް ލިބުމުން ނޫނީ އިތުރު އެއްޗެއް ބުނަން ނޭނގޭނެކަމަށް ދެންވެސް ޑޮކްޓަރު ވިސްނައިދިނެވެ. ފައުޒިއްޔާ އާއި ނިހާދު ހުރިހާ ކުދިން ގެއަށް ފޮނުވާލުމަށްފަހު ހޮސްޕިޓަލުގައި މަޑުކުރިއެވެ. އާރީން ހޭއަރާނެ އިރަކަށެވެ.

އާރީނަށް ލޯހުޅުވުނު އިރު އެނދު ކައިރީގައި އިން ފައުޒިއްޔާ އެނދުގައި ބޯޖަހާލައިގެން އިނދެ ގިސްލަ ގިސްލާފައި ހަމަ ރޮނީއެވެ. ނިހާދު އޭނަގެ ބުރަކަށީގައި ފިރުމަމުން ކެތްތެރިވުމަށް އެދެމުންދިޔައެވެ. އޭރު ނިހާދުގެ ދެލޮލުންވެސް ކަރުނަ ނިރާލައިފިއެވެ. މިއަދު މުޅި އާއިލާއަށްޓަކައި އޭނަގެ ނެތްހިތްވަރު ދައްކަންޖެހޭނެކަން އަމިއްލަ ޒަމީރަށް ވިސްނާދެމުން ނިހާދު ދިޔައެވެ. އާރީނަށް ލޯހުޅުވާލާފަވެސް އަނެއްކާވެސް ލޯމަރާލެވުނީއެވެ. އޭގެ އިރުގަނޑެއް ފަހުން ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރުޖެހުމާއިއެކު ލޯހުޅުވާލާފައި އާރީން އެންމެ ފުރަތަމަވެސް އެދުނީ ފެންފޮދަކަށެވެ. ފައުޒިއްޔާ ދަރިފުޅުގެ ހިކިފައިވާ ދެތުންފަތުގައި ފެންފޮދެއް ސަމްސަލުން ޖައްސާލަ ދިނީ ނޭފަތާ އަނގަޔާއިއެކު އަޅާފައިވާ މާސްކުހިއްލާލުމާއިއެކުއެވެ. އޭރު އޭނަގެ އެނދުގެ ވަށައިގެން އާއިލާގެ ހުރިހާ މެންބަރުންނެއްހެން ތިއްބެވެ. އާރީނަށް އެހެން އޭނަ އޮންނަތާ ކިހާއިރެއްވެއްޖެކަންވެސް ނޭނގެއެވެ.

“ސިޓީ އުރަ….މަންމާ…މޭޒު…ސިޓީ…” ވަރުނެތްފަދަ ގޮތަކަށް އާރީން ވާހަކައެއް ބުނަން އުޅުނެވެ. ފައުޒިއްޔާއަށް އާރިން ބުނަން އުޅުނު އެއްޗެއް އެއްކޮށް ނޭނގުނު ކަމުގައިވިޔަސް އާރީން އެދައްކަނީ ކޮންމެވެސް ސިޓީއުރައެއްގެ ވާހަކަކަން އެނގުނެވެ. އެވަގުތު އެތަނުގައި އާރީންގެ ދާދިގާތުގައި ހުއްޓިލައިގެން ހުރި އިބާއަށްވެސް އާރީން ކީއެއްޗެއް ސާފުވީ ފައުޒިއްޔާއަށް އެނގުނުވަރަށެވެ. މާގިނައިރަކު އާރީނަށް ލޯހުޅުވައިގެން ނޯވެވުނެވެ. އަނެއްކާވެސް އޭނަ ފުންނިންޖެއްގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. މިވަނީ ކީއްކަން ނޭނގިއެވެ.

ދަންވަރު އޮތް ފްލައިޓަކުން އެމަރޖެންސީކޮށް އާރީން ރާއްޖޭން ބޭރަށް ގެންދެވުނެވެ. އޭނަގެ އެންމެ ގާތުގައި ފައުޒިއްޔާ އާއި ނިހާދުގެ އިތުރުން އިބާގެ ދެމަފިރިން ތިއްބެވެ. ލޯބިވާ ކޮއްކޮއަށް ކަމެއްބޭނުންވާ ހިނދު މަންމަ އާއި ބައްޕައަށް އެހީތެރިވުމަށްޓަކައެވެ. އާއިލާގެ ހުރިހާ ކުދިންގެ ފައިސާ އެއްކޮއްލެވި ގޭގެ އެންމެ ހަގުކުއްޖާގެ ބޭސްފަރުވާއަށް އެފައިސާ ޖަމާކުރެވުނެވެ. އާރީނަށް ހޭވެރިކަމެއްވީއިރު “ބޫން” އަޑެއް ވަށައިގަނެ ހަރުލާފައި ހުއްޓެވެ. ވަނީ ކިހިހިނެއްކަމެއް އޮތީ ކޮންތާކުކަމެއް ނޭނގެއެވެ. ދޭތެރެއަކުން އޭނައަށް ހޭލެވެއެވެ. އަނެއްކާވެސް ނިދެނީއެވެ. ބޭހުގެ އަސަރުކަމެއް ނޫނީ ގުޅާފައި ހުރި އައިވީގެ ސަބަބުންކަމެއް ނޭނގެއެވެ.

ވިޝާލަށް ހެނދުނު ހޭލެވުނީ ދިހައެއް ޖެހިފަހުންނެވެ. ހޭލެވުނު ގޮތަށް އަވަހަށް އޭނަ ބަލާލީ ފޯނަށެވެ. އާރީންގެ މެސެޖެއް އައިސްފައި އޮވެދާނެކަމަށެވެ. ހީކުރިގޮތެއް މިފަހަރަކު ނުވިއެވެ. މުޅިދުވަހު އިންތިޒާރުގައި ދެކޮޅަށް އެނބުރުން ނޫންކަމެއް ވިޝާލްއަކަށް ނުވިއެވެ. ގިނަވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އިރުއޮއްސުމާއިއެކު ވިޝާލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ފޯނަށް ބަލަހައްޓައިގެން ނީނދެ އާރީންގެ ނަންބަރަށް ގުޅިއެވެ. މީގެ ކުރިން ދެފަހަރަކު ފޯނު ރިންގުވާއިރަށް އާރީން ފޯނު ނަގާނެއެވެ. ނަމަވެސް މިފަހަރު އާރީންގެ ފޯނު ރިންގުވެފަ ކަނޑެނީއެވެ. ވިޝާލް ވަރަށް ކަންބޮޑުވިއެވެ. ހަދާނެގޮތެއް ނޭނގި ސިކުނޑި ހާސްކަމުން ފުރިއްޖެއެވެ. އާރީން އޭނައަށް ޖަވާބެއް ނުދިންތަނުގައި ފޯނު ނުނެގީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. ރޭގަނޑު ނުވައެއް ޖަހަނިކޮށް ވިޝާލް އާރީން މެންގެއަށް ހިތްވަރުކޮއްފައި ދިޔައެވެ. ނަމަވެސް ނަސީބު ވަރަށް ދެރައެވެ. ގޭގެ ދޮރޯށި ހުރީ ތަޅުލާފައެވެ. އެގޭގައި މީހަކު އުޅޭހެންވެސް ހިއެއްނުވެއެވެ. އެއްވެސް އަލިކަމެއް ގޭތެރެއިން ނުފެނެއެވެ. ލިބުނު ހިތްދަތިކަމެއްގެ ބޮޑުކަމުން ބޮލުގައި އަތްހާކާލާފައި ވިޝާލް އެނބުރި އޭނަގެ ގެއަށް ދިޔައެވެ.

މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި އިންޑިއާއަށް ވިޝާލް ފުރީ ދާހިތްނެތިފައިހުރެއެވެ. އެހެންނަމަވެސް މައިންބަފައިންގެ ފަރާތުން ލިބުނު ކުޑަކުޑަ އުއްމީދާއިއެކުއެވެ. ޔުނިވަރސިޓީއިން އާރީންނާއި ދިމާވެދާނެކަމުގެ އުއްމީދުގައެވެ. އޮރިއެންޓޭޝަން ކުލާސްތައް ނިމި ކިޔެވުންފެށުނު އިރުވެސް އާރީންގެ އެއްވެސް ޚަބަރެއް ވިޝާލަށް ނުލިބުނެއެވެ. އޭނަ ހުރިހާ ކަމެއްގެ މަތިން ފޫހި ކުރުވީ އާރީންގެ ހިޔާލުތަކެވެ. ކުއްލިއަކަށް ހުރެފަ އާރީން ގެއްލުނީއެވެ. ދިޔައީ ކޮންތާކަށް ކަމެއް އުޅެނީ ކޮންހާލެއްގަ ކަމެއް ވިޝާލަށް ނޭނގެއެވެ. މައްސަލައަކީ އާރީންގެ އުފަންދުވަހުގެ ރޭ އޭނަ އާއި ހަވާލުކުރި ސިޓީ އުރަބާއޭ ވިޝާލްގެ ޒަމީރާ ސުވާލުކުރަމުން އޭނަ ދިޔައެވެ. އެކަނިމާއެކަނި ވިސްނުމުގައި އޭނަ ގިނަ ވަގުތު ހޭދަކުރެއެވެ.

ކިޔަވަން ދާތާ ތިންމަސްވިއިރު ވިޝާލަށް އައު ރަޙުމަތްތެރިން ލިބުނެވެ. އެމީހުނާއިއެކު ޔުނިވަރސިޓީ އާއި މާދުރުނޫން ހިސާބެއްގައި ހުންނަ އާދައިގެ ކެފޭއަކަށް ވިޝާލްވެސް ދެއެވެ. އެގޮތަށް ގޮސްއިންދުވަހެކެވެ. ކެފޭގެ ކުރިމަތީގައި ހުންނަ މާވިއްކާ ފިހާރައަކުން ފެނުނު ޒުވާނާ ވިޝާލްގެ ލޮލުގައި އަޅައިގަތެވެ. ގޮނޑިން ތެދުވުމާއިއެކު ކެފޭގެ ދޮރުމައްޗަށް އައިސް ކުރިމަތީ ހުރި މާވިއްކާ ފިހާރައިގެ ބޭރުގައި ބަހައްޓާފައި ހުރި މާބާލިދީތަކުން މާތަކެއް ނަގައިގެން ފިހާރައިގެތެރެއަށް ވަތް ޒުވާނާއަށް ނަޒަރު ހުއްޓާލައިގެން ވިޝާލް ހުއްޓެވެ. މާފިހާރައިން ނުކުތުމުން ވިޝާލްއަށް އަވަސް އަވަހަށް ފުރަގަސް ދެވުނީ އެމީހަކަށް ނުފެނުމަށެވެ.

“އާރީން…” ވިޝާލަށް ވައިއަޑުން ކިޔާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ތަދުވީ ބުނެދޭންވެސް ނޭނގޭ މިންވަރަށެވެ. އޭނައަށް ފެނުނީ އާރީނެއްނޫނެވެ. އޭނަގެ ބޭބެއެވެ. ސްކޫލު ދުވަސްވަރު އާރީންމެންގެއަށް ގޮސް އުޅުނުއިރު އެގޭގެ ހުރިހާ މީހުން ކަހަލަ ގޮތަކަށް ވިޝާލްއަށްވަނީ ފެނިފައެވެ. އޭނައަށް އެފެނުނީ އާރީންގެ މެދަށް ހުނަ ބޭބެ އާލިމްއެވެ.

“އޭގެ މާނައަކީ އާރިން މިކޮޅުގައޭތަ…” ވިޝާލްގެ ޒަމީރު ބުނެލިކަހަލައެވެ. ފުރަގަސްދީގެން ހުރި ވިޝާލް އަވަސް އަވަހަށް އެނބުރުނެވެ. ހާދަދެރައެވެ. އާލިމް ފެންނަ ހިސާބަކު ނެތެވެ. އެވަގުތު ކެފޭގައިތިބި ވިޝާލްގެ ރަޙުމަތްތެރިންވެސް އޭނައަށް ގޮވަންފަށައިފިއެވެ. ނާއުއްމީދުވެފައި ކަރުއެލުވާލައިގެން ހުރެ ވިޝާލް އެނބުރި ކެފޭގެ ތެރެއަށްވަނެވެ. ނަމަވެސް އޭނަގެ ޒަމީރު އަނެއްކާވެސް ވާހަކަދެއްކިއެވެ. އަދި ނާއުއްމީދު ނުވުމަށެވެ. އުއްމީދު އާލާވުމަށް ލިބުނު ފުރުޞަތެއްކަމުގައި އެކަން ދެކުމަށެވެ. އާރީން ފެންނާނެ ކަމުގެ އުއްމީދެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކު ވިޝާލް އެކަނިވިޔަސް އެގަޑިއަށް ކެފޭއަށް އައިސް އިނދެއެވެ. އާލިމް އާއި ދެން ދިމާވީ އޭނަ ފެނުނުތާ ދެދުވަސް ފަހުންނެވެ. މިފަހަރުވެސް އާލިމް އަައީ ކެފޭގެ ކުރިމަތީގައި ހުރި މާފިހާރައަށެވެ. މިފަހަރުވެސް ގަތީ ފިޔާތޮށި ކުލައިގެ ފިނިފެންމާ ތަކަކާއި ނޫކުލަޖައްސާފައިވާ ފިނިފެންމާ ތަކެކެވެ. އެމާތަކުގައި ވިޝާލް އަޅައިގަތެވެ. މާތަކުގެ ކުލަފެނުމުން އޭނައަށް އާރީންގެ ހަނދާންތައް އާވެގެންދިޔައެވެ. ޔުނިވަރސިޓީއަށް އެނބުރި ދިއުމުގެ ބަދަލުގައި ވިޝާލް އާލިމްގެ ފަސްފަހަތުން ދިޔައެވެ. އޭނަވަނީ އެތާ ކައިރީގައި ހުރި ބޮޑު ހޮސްޕިޓަލަކަށެވެ. ވަންނަން އުޅެފަވެސް އެތަނަށް ވަންނާކަށް ވިޝާލްއަކަށް ނުކެރުނެވެ. މަތީގައިވާ ބޯޑަށް ބަލާލުމުން އެއީ ކެންސަރުޖެހިފައިވާ މީހުން ތިބޭ ތަނެއްކަން އޭނައަށް އެނގުނެވެ. އާރީންގެ ހިޔާލު ފިލާދިޔައީ އަނެއްކާވެސް އެހިސާބުންނެވެ. ވިޝާލްގެ ހިތަށް އެރީ އާރީންގެ މައިންބަފައިން ނޫނީ އާލިމްގެ ފަރާތުން އެހެން މީހަކަށް ކަމެއްދިމާވެގެން އުޅެދާނެކަމަށެވެ. އެތަނަށް އާރިން ނާންނާނެކަމެވެ. އާލިމްގެ ފަހަތުން އާދެވުނީ ބޭކާރު ކަމެއްކަމުގައި ދެކެވުނެވެ.

ވިޝާލްއަށް އާރީންގެ ބޭބެ އާލިމް ފެނުނު ފަހުން އާރީންގެ ހިޔާލުތަކާއި ވަތްކެއްނުވެވުނެވެ. ކޮންމެ ގޮތަކުންވެސް އާރީންގެ ޚަބަރެއް އޮޅުންފިލުވަން ބޭނުންވިއެވެ. އެހެންވެ އަނެއްކާވެސް ކެފޭއަށް ދިޔައީ އާލިމު ފެނޭތޯއެވެ. އެދުވަހު ވިޝާލްއަށް ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އާލީމް އަންނަނީ ކޮންމެ ތިންދުވަހުން އެއްދުވަހު ކަމެވެ. މާގަނެގެން އާލިމު އެނބުރިލިއިރު ވިޝާލް އޭނަގެ ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ.

“ހެލޯ…މީ ވިޝާލް” ވިޝާލް އަޅައިގެން ހުރި އަވިއައިނު ނަގަމުން ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ.

“ވިޝާލް، ނޭނގުނު…” އާލިމް ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުރެ ބުންޏެވެ.

“އަޅުގަނޑަކީ އާރީންގެ ވަރަށް ގާތް ރަޙުމަތްތެރިއެއް، ކޮބާތޯ އާރީން؟ އެއްވެސް ޚަބަރެއްނުވޭ އޭނަގެ…” ވިޝާލް އާރީންގެ ނަންކިޔުމާއިއެކު އާލިމްގެ މޫނަމައްޗަށް އަރާފޭބި ހިތައިމައިގެ ކުލަވަރު ފާހަގަކުރެވުނެވެ.

“އާރިން އެބައުޅޭ” އާލިމް ކޮންމެވެސް ކަމެއް ސިއްރުކުރާފަދަ ގޮތަކަށް ބުނެލިއެވެ.

“ކޮބާތޯ…އަޅުގަނޑު އާރިންނާއި ބައްދަލުކޮއްލަން ބޭނުން، އަޅުގަނޑުމެން ދެމީހުންނަކީ ބެސްޓު ފުރެންޑްސް، އެކުގައި މިކޮޅުން ކިޔަވަން ނިންމީވެސް، އާރީންގެ ސްކޮލަރޝިޕަށްވީގޮތެއްވެސް ނާންގާ….ޕްލީޒް….އަޅުގަނޑު ބޭނުން އާރިން މިކޮޅުގަ އުޅެންޏާ އޭނަ އާއި ބައްދަލު ކޮއްލަން….” ވިޝާލް އާދޭސްކުރިއެވެ.

“ރީން ކޮއްކޮ….އާދޭ އަހަންނާއިއެކު….” އާލިމް އެއްޗެއް ބުނަން އުޅެފަވެސް ވިޝާލަށް އޭނަ އާއިއެކު އައުމަށް ބުންޏެވެ.

އާލިމް އާއިއެކު ވިޝާލް ދިޔައެވެ. ކުރިންވެސް ވިޝާލަށް ފެނުނުގޮތަށް އާލިމްވަނީ ކެންސަރުގެ ބަލިމީހުންނަށް ޙާއްޞަކުރެވިފައިވާ ހޮސްޕިޓަލަށެވެ. އެތަނަށް ވަންނަން ވިޝާލް ޖެހިލުންވިހެން ހީވެ އާލިމް އޭނައަށް ބަލާލިއެވެ.

“މިތާނގަ ތިބޭނީ ކެންސަރ ޕޭޝަންޓުން އެކަނި، ހާސްނުވޭ…އެނގެއެއްނު އެއީ ގައިގަޔަށް އަރާ ބައްޔެއްނޫންކަން، އެހެންނޫނަސް މިތަނަށް ނުވަދެ ކިހިނެއް ވިޝާލަށް އާރީން ފެންނާނީ…” އާލިމް ބުނެލިއެވެ. ވިޝާލަށް އަޑުއިވުނު ގޮތް ގޯސްވީބާއޭ އޭނާގެ ހިތަށްއެރިއެވެ. އާލިމް އެންމެ ފަހުން އެބުނެލިއެއްޗަކުންނެވެ. މޫނުމަތީގެ ލޭހިނދިގެންދިޔަކަހަލައެވެ. މޫނު ހުދުވެ އަނގަހުޅުވެގެންދިޔައެވެ. އެހެނެއްނުވާނެއޭ އެތަށް ފަހަރަކު ވިޝާލަށް ހިތާ ހިތުން ކިޔާލެވުނެވެ.

“ރީން..” އާލިމް ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލިއެވެ. އޭރު ހިކިއަނަރޫފަވެ ސިފަގެއްލިފައިވާ ރީން އަޅުވާފައިވާ އޮކްސިޖަން މާސްކާއިއެކު ހިނިތުންވެލިއެވެ. އޭނަގެ ގާތުގައި އިބާ އިނެވެ.

“ރޯސަސް…” ވައިއަޑަކުން އާރީން ބުނެލިއެވެ. އެއަޑުގައިވެސް ދިރުމެއްނެތެވެ. އުމުރުގައި ބާކީއޮތީ ކިހާދުވަހެއްކަންވެސް އާރީނަށް ނޭނގެއެވެ. އޭނައަކީ ފުއްޕާމޭގެ ކެންސަރުގެ ޝިކާރައަކަށްވެފައިވާ ދާއިމީ ބަލިމީހެކެވެ. ފަސޭހަނުކުރެވުނު ބައްޔެކެވެ. ވޭންދެނެވި ބައްޔަކެވެ. މިއަދު އާއިލާގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ހަމައަކަށް އެޅި ފައިވާ އާރީން ސިއްރު ކުރާ އެއްކަމެއް އޮވެއެވެ. އެހިތުގައި އުފެދުނު ފުރަތަމަ ލޯތްބެވެ.

“ބަލާބަލަ، މިހިރީ ރީން ކޮއްކޮގެ ބެސްޓު ފުރެންޑް” އާލިމް ދޮރުން އެތެރެއަށް ވަނުމަށްފަހު ވިޝާލް ވަނުމަށް ތަންދެއްކިއެވެ. ހައިރާންކަން ވެރިވެފައިވާ އާރީން އެއްފަހަރު އިބާއަށް އަނެއްފަހަރު އާލިމަށް ބަލާލިއެވެ. އަދި ދޮރުން ވަންނަނީ ކާކުތޯ ބަލަމުންދިޔައެވެ. އާރީނަށް ވިޝާލް ފެނުމާއިއެކު އެނދުގައި އޮވެފައި ތެޅިގަތެވެ. ނޫން ނޫނޭ ކިޔާ ހަޅޭލަވަންފެށިއެވެ. އިބާ ތެދުވެ ކޮއްކޮގެ ގައިގާ އޮޅުލައިގަތެވެ.

“އޭނަ ނެރޭ….އޭނަ ނެރޭ މިތަނުން….” އާރީން ރޯންފެށިއެވެ. ކަންބޮޑުވެ ހާސްވި އާލިމް ވަގުތުން ވިޝާލްގެ ގޮނޑުގައި ހިފަހައްޓާލައިގެން ބޭރަށް ނުކުތެވެ. ބަސްހުއްޓިފައިވާ ވިޝާލަށް ބުނާނެއެއްޗެއް ނޭނގުނެވެ. އެދެލޮލުން ކަރުނަ އައީ ހިފެހެއްޓުމެއްނެތިއެވެ. ފާރުގައި ޖައްސާލި އަތާއިއެކު މޫނު ފޮރުވާލައިގެން ހުރެ ވިޝާލަށް ރޮވެނީއެވެ. އެހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ. އެވަގުތު އާލިމް ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށް ވިޝާލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

“ކޮންއިރަކު…” ނޭފަތް އެތެރެއަށް ދަމާލަމުން ދެލޯ ފޮހެލާފައި ވިޝާލް އެހިއެވެ. އާލިމް ހުރިހާ ވާހަކައެއް ވިޝާލްއަށް ކިޔާދިނެވެ. މުޅި ދުވަހު ވިޝާލްއަށް ސިފަވަމުންދިޔައީ ދެލޯވަޅުވަދެ ހަންގަނޑުގެ ކުލަ އަނދާފައިވާ އާރީނެވެ. ބޮލުގައި އައްސާލެވިފައިވާ ސްކާފާއިއެކު މީހަކު ބިރުގަންނަ ފަދަ ސިފައެކެވެ. އޭނަގެ ލޯބި ލޯބި އާރީންނޭ ބުނާވަރެއްނުވެއެވެ.

“އެއީ ކާކުތަ…” އާރީން ހަމައަކަށް އެޅުމުން އިބާ ސުވާލުކުރިއެވެ.

“އެއްވެސް މީހެއްނޫން…” އާރީން މޫނު އަނެއްފަރާތަށް އަނބުރާލައިގެން އޮވެ ބުންޏެވެ. އޭރުވެސް އޭނައަށް ރޮވެނީއެވެ. އިބާ އާރީންގެ ސްކާފްގެ މަތިން ބޮލުގައި ފިރުމަމުން ދިޔައެވެ. އެތަށް އިރަކު އެހެން ރުއިމަށްފަހު އާރީން އޭނަގެ ދެލޯ ފޮހެލިއެވެ. އަދި އެނދުން ތެދުވުމަށް އޭނައަށް އެހީތެރިވުމަށް އިބާގެ ގާތުގައި އެދުނެވެ. އިބާގެ އެހީގައި އާރީން އެނދުން ފައިބައިގެން އަސައެއްގެ އެހީގައި ފައިއަޅަމުން ގޮސް އެއްފަރާތު ކަބަޑުގައި ހުރި ދަބަހުން ސިޓީއުރައެއްނެގިއެވެ. އެހުރިހާ މަންޒަރެއް އިބާ ހުރީ ބަލާށެވެ. އާރީން ސިޓީ އުރަ ހިފައިގެން ހޮސްޕިޓަލުގެ އެކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަޑުކޮއްލިއެވެ. އޭނައަށް ކިރިޔާވެސް ތެދުވެވޭނަމަ އެކުޑަދޮރުގެ ކައިރީ އޭނައަށް ހުރެވޭ އެންމެ ގިނައިރަކު މަޑުކޮއްލައިގެން ބޭރުބަލަން ހުރެއެވެ. ހަގީގަތުގައި އެކުޑަދޮރުގެ ބިއްލޫރިގަނޑުން އޭނަ ސިފަކުރަމުންދިޔައީ އޭނަ އާއި ވިޝާލްގެ އެންމެ ފަހުގެ ބައްދަލުވުމެވެ. އޭނަގެ އުފަންދުވަހުގެ އެރެޔެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެން އާރިން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މަޑުތުރުތުރެއް ހުރި އަތުގައި އޮތް ސިޓީއުރަ ނަގާ ނޭފަތާ ކައިރިކޮއްލަމުން ވަސްބަލާލިއެވެ. މިހާރު އޭނގެން ވިޝާލްގެ ވަސްކެނޑުނުތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އަދިވެސް އާރީނަށް އެވަސް ދުވާފާނެކަމުގައި ހީކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ.

އާރީނަށް ވިޝާލް ފެނުންވީ އޭނަގެ ހާލު އިތުރަށް ދަށަށް ދިޔަކަމަކަށެވެ. އާރީނަށް އަބަދު ރޮވެނީއެވެ. ވިޝާލް ދެކެން އޭނަ ބޭނުންނުވަނީއެއް ނޫނެވެ. އޭނައަށް ވިޝާލް އާއި ކުރިމަތިލާން ނުކެރެނިއްޔެވެ. މިހާރު އޭނައަކީ ކުރީގެ އާރީނެއްނޫނެވެ. ސިފަގެއްލި މީހާ ހުތުރުވެފައި ވުމުގެ އިތުރުން ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ވީއިރު އޭނައަށް ވިޝާލަށް ދެވޭނީ ކޮންލޯތްބެއް ހެއްޔެވެ. އެކަމަކުވެސް އެހިތަށް ވަރަށް ތަދުވެއެވެ. ވިޝާލްގެ މަތިން ހަނދާންނައްތައެއްވެސް ނުލެވުނެވެ.

ވިޝާލްގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ބަލާލިއެވެ. އޭނައަށް ގުޅަނީ އާލިމްއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއިއެކު ލިބުނީ ވަރަށްވެސް ނުބައި ހަބަރެކެވެ. ޔުނިވާރސިޓީގެ ހުސްކޮއްއޮތްބައިގެ ވިނަގަނޑުމަތީ ހުރި ވިޝާލް ދުއްވައިގަތެވެ. ވަށައިގެން ތިބި އެންމެނާއި އޭނަގެ ރަޙުމަތްތެރިން ވީނުވީއެއް ނޭނގިފައި ބަލަންތިބީއެވެ.

އާރީންގެ ކޮޓަރީގެ ދޮރުމަތީ އާއިލާގެ ހުރިހާ އެންމެން ތިއްބެވެ. ރޯއަޑާއިއެކު އެންމެންގެ ލޯތައްވެސް ކަރުނުން ފުރިފައިވާތަން ވިޝާލަށް ފެނުނެވެ. އާލިމް ވިޝާލްގެ އަތުގައި ހިފާލުމާއިއެކު ކޮޓަރިތެރެއަށް ވަންނަން އުޅުނެވެ.

“ރީން ކޮއްކޮ އެދުނީ ވިޝާލް ގެނެސްދިނުމަށް” ކަރުނައިގެ ތެރެއިން އާލިމް ވިޝާލަށް ބަލާލަމުން ބުނެލިއެވެ. ވިޝާލް ކޮޓަރިއަށް ވަނުމާއިއެކު ދެލޯމެރިފައި އޮވެ ފުންނޭވާތަކެއް ލަމުންދިޔަ އާރިންގެ ކަންފަތް ކައިރީ އިބާ އެއްޗެކޭ ބުނެލިއެވެ. އެވަގުތު ފަނޑު ހިނިތުންވުމެއް އާރިންގެ ތުންފަތަށް ވެރިވެގެންދިޔައެވެ. އަދި މެރިފައިވާ ދެލޯގެ ހިމަކޮޅުން ފައިބައިގެން ދިޔަ ކަރުނަ އިބާ ލޯތްބާއިއެކު ފޮހެލަދިނެވެ. އަދި ވިޝާލަށް ތަންދެއްކުމަށްފަހު އެކޮޓަރި ހަމައެކަނި އެދެމީހުންނަށް ހުސްކޮއްލަދިނެވެ. ވިޝާލަށް ބަލަން ހުރެވުނީއެވެ. ރޮވިފައެވެ. މަޑުމަޑުން ތުރުތުރު އުފެދިފައިވާ އަތްތިލަ އާރީން ދިއްކޮއްލީ ވިޝާލް ހުރި ދިމާ އެނގިގެނެއްނޫނެވެ. ނަމަވެސް ވިޝާލް އެއަތުގައި ހިފުމަށް އަވަސްވެގަތެވެ.

“ރޮނީތަ…” އާރީން ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ރީން…” ވިޝާލަށް އާރީނަށް ގޮވާލުން ފިޔަވާ އެއްވެސް އެއްޗެއް ނުބުނެވުނެވެ.

“ވިޝާލް…ޖަވާބު…ޖަވާބު ބޭނުމެއްނޫންތަ…” ވާހަކަދެއްކުމަށް އާރިންގެ ހަށިގަނޑުގައި ބާކީ ހުރި ހުރިހާ ހަކަތައެއް ބޭނުން ކުރަމުންދިޔައެވެ. އަދި މަޑުމަޑުން ލޯހުޅުވާލުމާއިއެކު ވިޝާލަށް ބަލާލިއެވެ. އެހިނދު ވިޝާލް އާރީންގެ ނިތުގައި ބޮސްދިނެވެ.

“އަހަރެން ދޫކޮއްލާފަ ދަނީތަ…” ވިޝާލް ރޮވިފައި އިނދެ ބުނެލިއެވެ.

“ގޮވައިގެން….އެއްބައި…މިއޮތީނު…” އާރީން އޭނަގެ އަތްދައްކާލިއެވެ. ކަނާތުގައި ވިޝާލް އަޅުވަދިންގޮތަށް އޮތް އެދެމީހުންގެ ނަންޖަހާފައިވާ އުފަންދުވަހުގެ ހަދިޔާ ފެނުނެވެ. އަދި ވަކިންބޮޑަށް ވިޝާލަށް ރޮވުނެވެ.

“ޖަވާބު ބޭނުމެއްނޫންތަ…” އާރީން އޭނަ އާއި ވަކިނުކުރާ ސިޓީއުރަ ވިޝާލަށް ދިއްކޮއްލިއެވެ. ވިޝާލް އޭގައި ހިފިއެވެ.

“ޖަވާބު….ކިޔާނީ….މިހާރު…ވިޝާލް…ކިޔާދީބަލަ…” ތަންކޮޅެއް ބާރަށް އާރިން ވިޝާލްގެ އަތުގައި ހިފާލިއެވެ. ވިޝާލް އަވަސް އަވަހަށް ސިޓީއުރަ ހުޅުވާލިއެވެ. އޭގައި އޮތީ އޭނަ އެސިޓީއުރަ އާރިނަށް ދިންއިރު މެސެޖުލިޔެފައިވާ ކަރުދާސްކޮޅެވެ.

“އައި ލަވް ޔޫ…” ވިޝާލް އޭނަގެ އަތުން ޖަހާފައިވާ މެސެޖު ކިޔާލިއެވެ. އާރީންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވުމާއިއެކު ދެލޯމަރާލިއެވެ. ވިޝާލް ކަރުދާސްކޮޅު ބާއްވަން އުޅެނިކޮއް އޭގެ އަނެއްފަރާތުގައި އެއްޗެއް ލިޔެފައިވާކަން އެނގި ބަލާލިއެވެ.

“މަހާދަ ލޯބިވެޔޭ ލޯބިވާ، ލިބޭނެޔޭ ކަލާގެ ހިތް މަ ހީކުރީމޭ….މަހާދަ ލޯބިވޭ ލޯބިވާ، ކަލާގެ ހައްގުގާ މަ މަރުވެދާން ހުރީމޭ….ކަލާގެ ލޯބިއަޑުން ގާތުގާ، ހުރީމެ ލޯބިވެޔޭ ފާޅުގާ ބުނޭތޯ…ކަލާގެ ލޯބި އަޑުން ގާތުގައި، ހުރީމެ ހިތް އުފަލުން ދޭނުހޭ އަހާތޯ…” ވިޝާލަށް ބާރަށް ރޮވިއްޖެއެވެ. އޭރު އާރީންގެ އަތުގައި އެއްވެސް ވަރެއްނެތެވެ. ފުންމައިގެން ތެދުވެ އާރީންގެ މޫނުގައި ދެއަތުން ހިފާލެވުނެވެ. އެންމެ ފަހު ކަރުނަތިކި އާރީންގެ މަރާލެވިފައިވާ ދެލޮލުން ވެއްޓުނީ އެވަގުތުއެވެ. މިދުނިޔަށް އާރީންގެ ފަހު ނޭވާ ދޫކުރީއެވެ.

އާރީން އޭނަގެ ހަނދާންތައް ވިޝާލްގެ ހިތުގައި ފޮރުވަންވި ގޮތްވެސް ބުނެދީފައެވެ. އެއީ ވިޝާލްގެ މެސެޖު ލިޔެފައިވާ ކަރުދާސްކޮޅުގައި އާރީން ލިޔެފައި އެއްޗަކުންނެވެ. އާރީންގެ އުފަންދުވަހުގެ ރޭ އެދެމީހުން އެރި ޓެކްސީއިން އިވުނު ލަވައެވެ.  އެހަނދާނާއި އެވަގުތުކޮޅުމަތިން ވިޝާލް ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ.

– ނިމުނީ –

Leave a Comment

Your email address will not be published. Required fields are marked *