LOABIVAANAMEY [EP.07]

“ޕްލީޒް… ޕްލީޒް ސްޓޮޕް… ޔޫ ހޭވް ޑަން މޯ ދެން އިނަފް.” އަރްކާންގެ އިހްސާންތެރިކަން ބަލައިގަންނަން އުނދަގޫވާތީ އައިލީނަށް ބުނެވުނެވެ. އެ އަޑުގައި ހިސާބެއްގެ ހިތްދަތިކަންވި އެވެ.

——————————-

( 27 އޮކްޓޯބަރ 2026 އާ ގުޅޭ )

“އޯޑަރ ކުރެވިއްޖެ. ދެން މިފަހަރު އަހަރެންނާއެކީ ކާނީ.” ފޯނުން އެއްޗެއް ޓައިޕްކުރަން ހުރެފައި އަރްކާން އިސްއުފުލާލި އެވެ. އައިލީންގެ ނަޒަރު އަރްކާނަށް އަމާޒުކޮށްލެވިފައިވި އެވެ. އޭނާގެ އަޑު އަރްކާން ނާހާނޭ ހީވި އެވެ.

ހިމޭންކަމުގައި އައިލީން އިނެވެ. އަރްކާން ވެސް ވާހަކައެއް ދައްކާކަށް މަސައްކަތެއް ނުކުރެ އެވެ. އެނބުރި އައިސް ސޯފާގައި އިށީނދެއްޖެނަމަ އިތުރަށް އައިލީނަށް އުނދަގޫވެދާނޭތީ އަރްކާން ވިސްނި އެވެ. އެހެންވެ ކާއެއްޗެހި އަންނަންދެން އޭނާ ހުރީ އެ އެޕާޓްމެންޓްގެ ދޮރު ކައިރީ މަޑުކޮށްލައިގެންނެވެ.

އަރްކާން އޯޑަރުކޮށްގެން ގެނައީ “ސްޕެގެޓީ މީޓް ބޯލްސް” އެވެ. އާދައިގެ އާންމު ކެއުމެކެވެ. އައިލީނަށް ފަސޭހައިން ކެވޭނެ އެއްޗެއް ގެނައުމުގެ ގަސްދުގަ އެވެ. ސޯގެ ކުރިމަތީ ހުރި ކޮފީމޭޒުގައި “ފޮއިލްތަށި” އަރްކާން ބެހެއްޓި އެވެ. އަދި ކޮތަޅުތެރޭގައި އޮތް ޕްލާސްޓިކް އޫ ވެސް ނަގައި މޭޒުމަތީ ބާއްވާލި އެވެ.

“ޕީޗް ގޮވައިގެންތަ ކަނީ؟. ހޭލަފާނެއެއްނު. ތި ދެ މީހުންނަށް ވެސް ނިދި ބޭނުންވޭ.” އައިލީނަށް ބަލާލާފައި އަރްކާން ބުންޏެވެ.

“ނުހޭލާނެ.” ނިކަން އަވަހަށް އައިލީން ބުންޏެވެ.

އަރްކާން އިތުރު ވާހަކައެއް ނުދެއްކި އެވެ. އައިލީންގެ ޒާތީ ކަންކަމަށް އަރްކާން މާބޮޑަށް ފާޑުކިޔަން އުޅެނީއޭ ހީވެދާނޭތީ އެވެ. ހަމަހިމޭންކަމުގައި ތިބެ ދެ ޒުވާނުން ކާންފެށި އެވެ.

“ނުބައީތަ؟.” އައިލީން ދެތިން ފަހަރު ކާލާފައި ނުކައި އިންނަން ފެށުމުން އަރްކާނަށް އަހާލެވުނެވެ.

“ނިމުނީ.” އައިލީން ބުންޏެވެ.

“ވަޓް!… ތިވަރުން ބަނޑުބޮޑެއްނުވާނެ. ރަނގަޅަށް ކައިގެން ގައިގަ ވަރު ހުންނާނީ ވެސް. ނުބައި ނޫނިއްޔާ އަދި ކެވޭތޯ ޓްރައިކޮށްލާ.” ތަށީގައި އޮތް އޫ ނަގައި އައިލީންގެ އަތަށް އަރްކާން ލައިދިނެވެ. މާނަވީ ގޮތަކަށް އަރްކާނަށް ބަލާލާފައި އައިލީން ކާންފެށި އެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. އަރްކާން ހުރީ ޑިއުޓީގަ އެވެ. އެހެންނަމަވެސް ވަގުތެއްވާއިރަށް އަސަލް ހުންނަނީ އައިސް އޭނާގެ ފޫބުޑުގައި ވިއްދާފަ އެވެ. އިއްޔެ ކުއްލިއަކަށް ފޯނު ބޭއްވީ ސަބަބު އޮޅުންފިލުވާ ހިތުން އަސަލް މޮޔަވަނީ އެވެ. އަރްކާން ސިއްރުކުރާ ވަރަކަށް އެކަން ހޯދުމުގެ ޝައުގުވެރިކަން ވެސް އިންތިހާއަށް އޮތީ އެވެ.

“އޭކޮން…” ވަނަމަކުން އަސަލް ގޮވާލި އެވެ. އޭރު ޑިއުޓީ ނިންމާފައި ލޮކަރުތަކާ ދިމާއަށް އަރްކާން އަންނަނީ އެވެ.

“ފައިލް ބެލިން… އަހަރެންނަށް އޮޅިއްޖެ.” ލޮކަރު ހުޅުވާލައިގެން ހުރެ އަރްކާން ބުންޏެވެ. އެއާއެކު އަސަލް ސަމާސާ ގޮތް ކެނޑުނެވެ.

“އެއީ ތެދު މަޢުލޫމާތު.” އަސަލް ވަގުތުން ބުންޏެވެ.

“ދޮގެކޭ އަހަރެން ނުބުނަމެންނު. ޤަބޫލުކުރަންވީ ގޮތެއް ނޭނގިގެން މިއުޅެނީ.” އަރްކާން ބުންޏެވެ.

“ކަމުގެ ހަޤީޤަތް ހޯދުމަކީ އަރްކާނަށް އުނދަގޫކަމެއްނޫން. އިޓްސް ޔޯ ކަޕް އޮފް ޓީ.” އަސަލް ބުނެލި އެވެ.

“އައިމް އަ ކޮފީ ފާސަން.” ވަގުތުން އަރްކާން ބުންޏެވެ. އަސަލްގެ ސީރިއަސްކަން އެ މޫނުން ފިލައިގެންދާން ސުކުންތެއް ވެސް ނުނެގި އެވެ.

“ހޫން… ހޫން… ސައިތަށްޓެއް ނުބޮއެ ތިވަރުވީ.” އަސަލް ދިމާކޮށްލި އެވެ.

އޮފީހުން ނުކުންނަން އަރްކަން ހިނގައިގަތެވެ. މައިދޮރުން މަގުމައްޗަށް ނުނިކުމެވެނީސް އަރްކާންގެ ކޮނޑުގައި އަސަލް ހިފަހައްޓައިފި އެވެ. ރޭގަނޑުގެ ކޮފީއަށް އައުމަށް އަރްކާން އެއްބަސްކުރުވި އެވެ. އެކުވެރިޔާ ދާން ދޫކޮށްލީ ދެނެވެ.

އާންމުކޮށް އަންނަ ސުޕަރމާކެޓުން ވިޔަފާރިކޮށްގެން ގެއާ ދިމާއަށް ސައިކަލުގައި އަރްކާން ނައްޓާލި އެވެ. އޭޑީކޭ ކައިރިން އިރަށް ދާން އޮތް ހިމަ މަގަށް އެޅުމާއެކު އޭނާގެ ލޮލުގައި ކަމެއް އަޅައިގެންފި އެވެ. އެ ހިސާބު ތަންތަންކޮޅުގައި ހަރަކާތްތެރިވާ ޒުވާނުން ތަކެކެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ އޭނާ އައިސް ގޭ ކައިރީ ސައިކަލު ޕާކުކޮށްލީ އެވެ.

“ބްރަދަރ…” ދޮރޯށި ހުޅުވާލައި ގެއަށް ވަދެވަދެ ހުއްޓާ މީހަކު ގޮވާލުމުން އަރްކާން ހުއްޓުނެވެ. އޭނާގެ ފަހަތުން ދޮރޯށި ލައްޕާލާފައި އެމީހަކާ އަރްކާން ކުރިމަތިލި އެވެ. އޭނާގެ ކައިރީ ހުރީ އެ ހިސާބުގައި ހަރަކާތްތެރިވާތީ ފާހަގަވީ ހަ ޒުވާނުންގެ ތެރެއިން އެކަކެވެ.

“މި ކުއްޖާ ދުށީންތަ؟.” އެ ޒުވާނާގެ އަތުގައި އޮތް ފޯނު އަރްކާނަށް ދައްކާލި އެވެ.

ހިންދިރުވާލެވުމާއެކު އަރްކާންގެ ކަތުރުކަށިގަނޑަށް ވާންވެލި އެވެ. ނަމަވެސް އޭނާގެ މޫނުން އެއްވެސް އަސެރެއް ބޭރަކަށް ފާޅެއްނުވެއެވެ. ފޯނުގައިވާ ފޮޓޯއަށް އިރުކޮޅަކު ބަލަން ހުރެފައި އަރްކާން ދެފަރާތަށް ބޯހޫރާލީ އެވެ.

“އެއީ ކާކު؟.” އެ ޒުވާނާ ދާންވެގެން އުޅުނު ހިނދު އަރްކާން ސުވާލުކޮށްލި އެވެ.

“ތިމާގެ ކުއްޖެއް. ގެއްލިގެން ހޯދަމުން މިދަނީ.” އެ ޒުވާނާ ބުންޏެވެ.

“ކީއްވެ ޕޮލިހަށް ނޭންގީ.” އަރްކާން ދެވަނަ ސުވާލު ކުރި އެވެ.

“ފެމެލީއިން އަދި ބޭނުންނޫނީ.” އެ ޒުވާނާ އޮޅުންފިލުވައި ދިނެވެ.

“ފެނިއްޖެއްޔާ ކާކަށް އަންގަންވީ؟.” އަރްކާން ބުންޏެވެ. އެއާއެކު އެ ޒުވާނާ ނިކަން އަވަހަށް ފޯނު ނަންބަރެއް ކިޔައިދިނެވެ. އެ ނަންބަރަށް ގުޅާލާފައި ހުރި ތަނެއް ބުނުމުން އެމީހުން ބަލާ އަންނާނަން ކަމުގައި ބުންޏެވެ. އަދި ފައިސާގެ އިނާމެއް އޮތްކަން ބުންޏެވެ. ކިހާ ވަރެއްތޯ އަރްކާން އެހުމުން ވިހި ހާސް ރުފިޔާ ލިބޭނެކަމުގައި ބުންޏެވެ. އެއްބަސްވުމެއްގެ ރަމްޒެއްގެ ގޮތުން އަރްކާން ބޯޖަހާލީ އެވެ.

ފުން ޚިޔާލުތަކެއްގައި ހުރެ އަރްކާން ދޮރޯށި ހުޅުވާލި އެވެ. އިރުކޮޅަކު ދޮރޯށި ކައިރީ މަޑުކޮށްލައިގެން އައިލީންގެ އެޕާޓްމެންޓާ ދިމާއަށް ބަލަން އަރްކާނަށް ހުރެވުނެވެ. އޭރު ދޭތެރެއަކުން އޭނާގެ ދެބުމަ ކައިރިވެލައި ނިތައް ރޫޖެހިލަ އެވެ. އޭނާގެ ސިކުނޑީގައި ހިނގަނީ ނުތަނަވަސްކަން އެކުލެވިފައިވާ ޚިޔާލުތަކެއްކަން ގައިމެވެ.

“ވަޓް ޝުޑް އައި ޑޫ.” އަމިއްލަ ނަފްސާ އަރްކާން އެ ސުވާލު އަމާޒުކޮށްލި އެވެ.

ހަށިފުރާ ފުންނޭވާއެއް ދޫކޮށްލާފައި އަރްކާން ހިނގައިގަތެވެ. އޭނާ އައިސް އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާލީ އެވެ. ބަދިގެ ކައުންޓަރު މަތީ އަތުގައި އޮތް ކޮތަޅު ބަހައްޓާލާފައި ފިނިފެންފުޅިއެއް އަރްކާން ނެގި އެވެ. ފުޅީގެ މަތި ނައްޓާލާފައި ފެންފުޅި އަނގަޔަށް އަރިކޮށްލައި ފެންކޯވަރެއް އޭނާ ބޯލި އެވެ. އަރުތެރެއާއި އެތެރެ ހައްޓަށް ފިނިކަން ފެތުރިގެން ދިޔަ އެވެ. އެހެންވިޔަސް ސިކުނޑިއާއި ހިތުގައިވާ ހަލަބޮލިކަމަށް މަޑުޖެހުމެއްނަ އެވެ.

ކޮޓަރިއަށް ވަދެފައި ނުކުތް އަރްކާންގެ ފުށުން ފެންނަނީ ތާޒާކަމެވެ. ތެތްކަން އެކުލެވިފައިވި އިސްތަށިގަނޑުގައި ތަރުތީބެއްނެތެވެ. ގަދަ އަޅިކުލައިގެ ސްވެޓްޕޭންޓްސްގައި ހުރިއިރު އޭނާގެ ފުޅާ ދެކޮނޑާއި ތަނަވަސް މޭމައްޗާއި ގޮޅިގޮޅިއަށް ހުރި ބަނޑުގެ މަސްތައް ވަނީ ހާމައަށެވެ. ހިތް އަވަސްކުރުވާފަދަ މަންޒަރެކެވެ. އަތުގައި އޮތް ޓެބްލެޓަށް ބަލަމުން އޭނާ އައިސް ބަދިއަށް ވަނެވެ. ކަނެއްގައި ހަރުކޮށްފައި ހުރި ބުޅިގަނޑުގައި އަޅުވާފައި އޮތް ކަޅުކުލައިގެ އޭޕްރަން ނެގި އެވެ. އަރްކާންގެ ގަޔަށް ހެޔޮވަރު ކޮށްލައި ފަހަތުން އައްސާލި އެވެ. ކައުންޓަރު މަތީ ހުރި ކޮތަޅުން އެއްޗެހިތައް ނަގައި އަތުރާލުމާއެކު އޭނާ ކައްކަން ތައްޔާރުވެލި އެވެ.

* * * * *

ސިންކު ކައިރީ އައިލީން ހުރީ ބުއްފުޅި ދޮންނާށެވެ. އެކަން ކޮށްފައި އޭނާ އައިސް އަމާރާގެ ހަޑިވެފައި ހުރި ހެދުންކޮޅުތަކާއި ރުމާކޮޅުތައް ދޮންނަން މެޝިނަށް އެޅި އެވެ. އަމާރާ ދޭތެރެއަކުން ކަމަކާ ކޫސަނިވެލާފައި ކުޅޭއެތި ނަގައި އަނގައަށް ލައިގެން އުޅެ އެވެ.

“ސޮރީ ދަރިފުޅު. ހުރިހާ އެއްޗެއް ގެންނަން މަންމަ ބޭނުންވި. އެކަމަކު ދަރިފުޅުގެ ބައްޕަގެ ގޮތް ވެސް އެނގެއެއްނު… ދަރިފުޅު ފޫހިވާނެކަން އެނގޭ. ދަރިފުޅުގެ އުނދޯއްޔާއި ބައުންސާ ޗެއަރއާއި ހުރިހާ ކުޅޭ އެއްޗެއް ގެންނަން ހިތައް ވެސް އެރި. ސޮރީ ދަރިފުޅާ… މަންމަގެ ލޯބިލޯބި އަމާރާ. މަންމަ ވެސް ދެރަވޭ ތިގޮތަށް ތަޅުންމަތީ ދަރިފުޅު ބާއްވަން ޖެހޭތީ. މިއަދު މަންމަގެ އަތުގައި އެއްވެސް އެއްޗެއް. އެކަމަކު މި ހާލަތު ވެސް ބަދަލުވާނެ. ދަރިފުޅު ވެސް ކެތްތެރިވައްޗޭ. މި ހުރިހާ ކަމަކުން އަރައިގަންނާނޭ ފުރުޞަތު މަންމައަށް ދެއްޗޭ.” ދަރިފުޅުގެ ގާތުގައި އިނދެ މަޑުމަޑުން އައިލީން ވާހަކަދެއްކި އެވެ. އެ ކުއްޖާފުޅަށް އޭނާގެ ވާހަކަތައް ފަހުމްވާނޭކަމެއް ޔަޤީންނުވާއިރު ވެސް އެވެ. އެ ދަރިފުޅު ނޫނީ އޭނާގެ ހިތުގެ އުދާސްތައް ޚިއްޞާކުރާނޭ ފަރާތެއްނެތީ އެވެ.

އެޕާޓްމެންޓްގެ ދޮރުގައި ޓަކި ޖަހާލި އަޑަށް އައިލީނަށް ސަމާލުވެވުނެވެ. އަރްކާން އޭނާގެ ނަމުން ގޮވާލި އަޑު އިވުނެވެ. މިފަހަރު އެ އަޑަށް އައިލީން ތެދުވީއިރު ޖެހިލުންވުމުގެ އަސަރެއް ނެތެވެ. ދޮރުފަތުގައި ހިފަހައްޓައިގެން ހުރެ އޭނާ ކުޑަކޮށް ދޮރުހުޅުވާލި އެވެ. ދޮރުމަތީ އަރްކާން ހުރީ އަތަށް ތަށްޓެއް ލައިގެންނެވެ. އައިލީންގެ ދެ ލޮލުން ހައިރާންކަން ފާޅުވެލި އެވެ.

“އައި ބްރޯޓް ޔޫ ސަމްތިންގް.” އަރްކާން ބުންޏެވެ.

އައިލީން ދޮރު ހުޅުވާލުމުން އެތެރެއަށް ވަންނަންތޯ އަރްކާން އަހާލި އެވެ. ދެ ޚިޔާލެއްގައި ހުރެ ވެސް އައިލީން ބޯޖަހާލި އެވެ. އޭނާގެ ކައިރިން ލާފައި އަރްކާން ވަދެގެން އައިސް ކޮފީމޭޒުމަތީ އޭނާގެ އަތުގައި ހުރި ތަށިތައް ބަހައްޓައިފި އެވެ. އެހިނދު ކާއެއްޗެހީގެ މީރު ވަހުން އެ ކުޑަކުޑަ އެޕާޓްމެންޓް އެއްވަސް ވެއްޖެ އެވެ.

“އެނގޭ އައިލީން ރަނގަޅަށް ނުކައިކަން ހުންނާނީ. ސޯ ލެޓްސް އީޓް. އަހަރެން ހަދާފަ. ރަހަބަލާލަބަލަ.” އަރްކާން ބުންޏެވެ. އަދި ތަޅުންމަތީ އޮތް އަމާރާއަށް ލޯބިން ގޮވާލާ ނަމުން އޭނާ ގޮވާލި އެވެ. އެކުއްޖާވީ އަމަށަކު އުފަލެއްނޫނެވެ.

ދެކޮޅު ހަދަން ބުނާނޭ އެއްޗެއް އައިލީނަކަށް ނޭނގުނެވެ. ހަރަކާތެއް ކުރާން ނޭނގިފައި އޭނާ ހުއްޓެވެ. އަރްކާން ތިރިވެލައި އަމާރާ ނަގައި އުރާލި އެވެ. އެކުއްޖާ ލޯބި ގޮތަކަށް އަރްކާންގެ މޭގައި މޫނު ބޮނޑިކޮށްލި އެވެ.

“ސޮނިކޮޅެއް ދިނީތަ؟.” އަމާރާއަށް ބަލަން ހުރެ އަރްކާން އަހާލި އެވެ. އޭނާގެ ޓީޝާޓުން މޭމަތި ތެމިފައި ހުއްޓެވެ. ރަކި ހިނިތުންވުމަކާއެކު އަމާރާ އަޑު ލައްވާލި އެވެ. އައިލީނަށް މިފަހަރު ވެސް ކުރެވުނީ އުނދަގޫ އިޙްސާސެކެވެ. އަރްކާންއާއި އަމާރާގެ ގާތްކަން ފެނިފަ އެވެ.

“ތީގަ ވިހައެއް ނުހުންނާނެ.” އައިލީން ހުއްޓުން އަރާފައި ބަލަން ހުރުމުން އަރްކާން ބުންޏެވެ.

ސޯފާގައި އިށީނދެ އައިލީން ތަށިތަކަށް ބަލާލި އެވެ. ކެބެޖާއި ކިއުކަމްބަރއާއި އަދިވެސް އެހެނިހެން ތަރުކާރީގައި ހަދާފައި ހުރި ސަޓަނި ތަށްޓެކެވެ. ފްރައިޑް ރައިސްހެން ހަދާފައި ހުރި ބަތެވެ. ދިގުކޮށް ކަފާފައި “ކްރިސްޕީކޮށް” ތެތްލާފައިވާ ކުކުޅު މަސްކޮޅުތަކެވެ. އެއީ ފުރިހަމަ ކެއުމެކެވެ. އައިލީން ތަށިތަކަށް ބަލަން އިންދާ އަރްކާން ފިނި ފެންފުޅިއެއް ނަގައިގެން ގެނެސްދީފި އެވެ. މަޑުމަޑުން ތަށީގައި އޮތް ސަމްސާ ނަގައި އައިލީން ކާންފެށި އެވެ.

އަމާރާއާ ވާހަކަދައްކަމުން އަރްކާން ސޯފާގައި އިށީނެވެ. އައިލީން ދުރަށް ޖެހިލި އެވެ. އެކަން ފާހަގަވީ ކަމަށް އަރްކާން ނުހަދަ އެވެ. އެ ދެމެދުގައި ވާހަކައެއް ނުދެކެވި އިރުގަނޑެއް ފާއިތުވެގެން ދިޔަ އެވެ. އިސްނެގީ އަރްކާނެވެ.

“ކުޑަކުޑަ ސޯސްޕޭނެއް އެކަނި ފެންނަނީ.” ބަދިގެއަށް ބަލަން އިނދެ އަރްކާން ބުންޏެވެ.

“އައި ލެފްޓް އިން އަ ހަރީ.” އައިލީން ބުންޏެވެ. އޭނާގެ އަޑު މަޑުކަމުން އަރްކާނަށް ވެސް އިވުނީ ސަމާލުކަން ދީގެން އިންވަރުންނެވެ.

އައިލީން ކުއްލިއަކަށް ހާސްވި އެވެ. އޭނާ ދިން ޖަވާބު އަރްކާން ނަގައިގަންނާނެ ގޮތަކާމެދު ވިސްނެންފެށުނެވެ. އޭނާ ބަލާލުމުން އަރްކާން ބޯޖަހާލީ އެވެ. އެހެން ހެއްޔޭ ބުނެލާ ފަދައަކުންނެވެ. އިތުރު ސުވާލެއް އޭނާ ނުކުރި އެވެ. ހީވީ އައިލީންގެ އިޙްސާސްތަކާއި އޭނާގެ ހާލަތު އަރްކާނަށް ސާފުކޮށް އެނގެނީ ހެންނެވެ. އޭނާ ހިމޭންވުމުން އެ ހިމޭންކަން ބުނެދެނީ އެފަދައިންނެވެ. އައިލީންގެ ފިކުރުތައް ރޫޅާލީ ދަރިފުޅު އަމާރާ އެވެ. އެކުއްޖާގެ ކުޑަކުޑަ އަތްތިލަ އަރްކާންގެ މޫނުގައި ޖައްސާލެވިފައިވާތީ އޭނާ ދުށްޓެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް އެކުއްޖާ އަރްކާނާ ދައްކަނީ ހެންނެވެ.

“ޝީ ރިއަލީ ލައިކްސް ޔޫ.” އައިލީނަށް މިފަހަރު ބުނެވުނެވެ.

“ގެސް އައި ގޮޓް ލަކީ.” އަމާރާއަށް ބަލަން އިނދެ އެކުއްޖާގެ ކޮލުގައި ކޮއްޓާލަމުން އަރްކާން ބުންޏެވެ.

“ނޫން… އާންމުކޮށް ނުދަންނަ މީހުންނާ ރައްޓެއްސެއްނުވާނެ.” އައިލީން ބުންޏެވެ.

“ސޭމް ލައިކް ހާ މާމާ.” އަރްކާން މިހެން ބުނެލީ އައިލީނަށް ބަލާނުލަ އެވެ. އެހެންނަމަވެސް އައިލީނަށް އިނދެވުނީ ދެ ލޯ ބޮޑުކޮށްލައިގެން ބަލާށެވެ. އަރްކާން އެބުނި އެއްޗެއްގެ މާނަ އެނގޭތީ އެވެ.

ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވާން އުޅެފައިވާ ގެއްލުނީ އެވެ. އައިލީންގެ ހިމޭންކަން އެނބުރި އޭނާ ވަށާލީ އެވެ. އެހެންވިޔަސް ފުރަތަމަ ފަހަރަށް އެހެންޏާ ކާވަރަށްވުރެ ރަނގަޅަށް އައިލީން ކެ އެވެ. އަރްކާން ބާރު އެޅީމަ އެވެ. އޭނާ އައިލީނަށް މަޖުބޫރެއް ނުކުރެ އެވެ.

“މީރުތަ؟.” ދެން ނުކެވޭނޭ އައިލީން ބުނުމުން އަރްކާން އަހާލި އެވެ. ޖަވާބެއްގެ ގޮތުން އައިލީން ބޯޖަހާލީ އެވެ.

“ބޭސް އަޅަންވާނެ އެއްނު.” އަރްކާން ކަމެއް ހަނދާންކޮށްލަ ދިނެވެ.

“އަމިއްލައަށް ބޭސް އެޅިން.” އައިލީން އަވަސްއަވަހަށް ބުންޏެވެ.

“ދައްކަބަލަ. އެކަންޏެއް ރީތިކޮށް ނޭޅޭނެ. އެހިސާބަށް ރަނގަޅަށް އަތް ވެސް ނުފޯރާނެ.” އަރްކާން އެނބުރިލައި ސީދާ އައިލީނާ ހަތަރުކަޅި ހަމަކޮށްލި އެވެ. އުނދަގޫވެފައި އިނދެ އައިލީން ބޭސްއަޅަން ހުއްދަދިނެވެ. އަރްކާން ބުނީ ތެދެކަށްވާތީ އެވެ. އޭނާ އެކަނި ބޭސްއެޅި އެވެ. އެކަމަކު އެކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ޚުދު އައިލީނަށް އެނގެ އެވެ.

* * * * *

“އަރްކާން… އެބަހުރިންތަ؟.” އަސަލް ގޮވާލި އެވެ. ޚިޔާލުތަކުން އަރްކާން ބޭރުވީ ދެނެވެ.

ޑިއުޓީ ނިމި ބްރީފިންގް ކުރިޔަށް ދަނީ އެވެ. އަސަލް ދައްކަމުންދިޔަ ވާހަކަތަކަށް އަރްކާންގެ ސަމާލުކަން ކުޑަވީ އެވެ. ދެން ތިބި މީހުން ދިމާކުރުމުގެ އަޑެއް ލައްވާލި އެވެ. އަރްކާންގެ ފުށުން ފެނުނީ ކުރީން ނުފެންނަ ސިފައެކެވެ. އެގޮތަށް ސަމާލުކަން ކުޑަވެ ޚިޔާލަކަށް ގެއްލިފައި އަރްކާން ހުންނަތާ ދެ ދުވަހެއްވަރު ވެއްޖެކަން އަސަލްއަށް ވެސް ފާހަގަވި އެވެ.

ބްރީފިންގް ނިމި ސަފުތައް ރޫޅި އެންމެން ދާން ހިނގައިގަތެވެ. ފުންނޭވާއެއް ދޫކޮށްލާފައި އަރްކާން އައިސް ހާމަފެންޑާގެ ވަށައިގެންވާ ފާރުބުރީގެ ރެއިލިންގައި އަތް އަޅުވާލި އެވެ. އޭނާގެ ފަހަތުން އަސަލް އައިސް މަޑުކޮށްލީ އަރިމަތިން އޭނާ ފެންނާނޭ ހެންނެވެ.

“އާތް ޓު އަރްކާން.” ސަމާސާގެ ރާގުގައި އަސަލް ބުންޏެވެ. ޚިޔާލީ ދުނިޔެއިން ހަމަބިމަށް ފައިބާށޭ ބުނާ އުސޫލުންނެވެ.

“ހީ އެބިއުސްޑް ހާ. އާދައިގެ ޒަޚަމެއްނޫން އެއީ… މުޅި އަރިކަށި އޮތީ ނޫފައިގެންފައި. ގިނަ ދުވަސްވީ އަނިޔާއެއްނޫންކަން އެނގޭ. އެތަނުގައި ވޭންއަޅާނެވަރު އެނގޭ.” ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ އަރްކާން ބުންޏެވެ.

“ދުށީންތަ؟.” އަސަލްގެ އަޑުގައިވީ އެހެންޏާ ނުވާފަދަ ސީރިއަސްކަމެކެވެ. އަރްކާން ބޯޖަހާލި އެވެ. އަދި އައިލީން ވެއްޓުނު ވާހަކައާއި އޭނާގެ އަރިކަށީގައި ހުރި ޒަޚަމް ފެނުނު ގޮތް އަސަލްއަށް ކިޔާދިނެވެ.

“އޭނާގެ ފިރިމީހާތަ؟.” އަސަލް އަހާލި އެވެ.

“އާން. އެނޫން ދެން ކާކު. އެއީ އައިލީނަށް ލިބުނު ފުރަތަމަ އަނިޔާއެއްނޫން. ޝީ އިޒް ސްކެއާޑް. ކުޑަކުޑަ ކަމެއްވެލާއިރަށް މީހާ ހުންނަނީ ބިރުންވިރިވިރި… ކޮންމެ ވަގުތެއްގައި ވެސް ހީވަނީ ޕެނިކް އެޓޭކެއް ޖެހިދާނެހެން. އަނބުރައިގަނެގެން ވެއްޓިދާނެހެން. ރަނގަޅަށް ކާން ނުލިބި މީހާ އަނަރޫފަ ވެއެއްނު. ދެޓްސް ހާ ކޭސް. އަބަދު ސަވައިވަލް މޯޑްގަ. އެލާޓްވެ…” އަރްކާންގެ އަޑުގައި ރިހުމެއްވާ ފަދަ އެވެ.

“އެ އަންހެންކުއްޖާއަށް ހަމްދަރުދީ ވަނީތަ؟. ކޮންހައިސިއްޔަތަކުން؟. ތީ ކާކުކަން އެނގޭތަ؟. އެބައޮތްތަ އޭނާގެ މައްޗަށް ހަމްދަރުދީ ވެވެން.” އަސަލް ސުވާލުކުރި އެވެ.

އަސަލް ބުނަން އުޅެނީ ކީކޭކަން އަރްކާނަށް ވިސްނުނެވެ. ހިމޭންކަން ޚިޔާރުކުރީ އެހެންވެ އެވެ. މަޑުމަޑުން އަރްކާންގެ ކޮނޑުގައި އަސަލް ޖަހާލި އެވެ. އޭނާ އަރްކާނާ އެ ސުވާލުތައް ކުރިމަތިކުރުވީ ފަހަރެއްގައި ވެސް ނުރުހުންތެރިވެގެންނެއް ނޫނެވެ. އޭނާގެ ގަސްދަކީ ކަމެއް ހަނދާންކޮށްދިނުމެވެ.

“ޑޯންޓް ގެޓް އެޓޭޗްޑް. މާބޮޑަށް ތިހެން އިންވޯލްވެ އުޅެންޏާ ފޯލްސް ހޯޕެއް ދެވިދާނެ. އޭރުން މާ ދެރަވާނެ.” އަސަލް ބުންޏެވެ. އެއީ އެކުވެރިޔާއަށް ދިން ނަސޭޙަތެކެވެ.

އަރްކާނަށް ވެސް އެވަރު އެނގެ އެވެ. އެހެންވިޔަސް އޭނާއަށް އައިލީންގެ ޚިޔާލުތަކާއި ދުރަކަށް ނުދެވުނެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި އޭނާ އަސަލްއާ ކުރިމަތިލި އެވެ.

“ބަޔަކު އޭނާ އެބަހޯދާ. ޓުވެންޓީ ގްރޭންޑް އެމީހުން ހުށަހެޅީ.” އަރްކާން ބުންޏެވެ.

“ތިއޮތީ ފުރުޞަތެއްނު.” އަސަލް ބުންޏެވެ. އެހެންވިޔަސް އަރްކާންގެ ފުށުން އިޝާރާތެއްނުވި އެވެ. އަދިވެސް ކަމަކާ އަރްކާން ވިސްނަނީ ކަހަލަ އެވެ. ގޮތެއް ނުނިންމިގެން އުޅޭ ކަހަލަ އެވެ.

“އޭނާ ކައިރީ ބުނިންތަ؟.” އަސަލް ނިކަން އަވަހަށް އަހާލި އެވެ.

“ނުބުނަން.” އަރްކާން ތެދު ހާމަކުރި އެވެ.

“ރަނގަޅު. ތި ފުރުޞަތުގެ ބޭނުން ހިފާ. އަރްކާނަށް ފައިދާ ކުރާނެ.” އަސަލް ބުންޏެވެ.

އަރްކާން ބޯޖަހާލީ އެވެ. ދެ ޒުވާނުން އެކުގައި ހާމަފެންޑާއިން ފައިބަން ހިނގައިގަތެވެ. ލިފްޓާ ހަމައަށް ދެވެންދެން ވެސް އަސަލް އެކިއެކި މޮޅެތި ޚިޔާލުތައް ދެމުންދިޔަ އެވެ. އަރްކާން ހުރީ އެ ވާހަކަތައް އަޑު އަހާށެވެ.

* * * * *

“މީހުން އެބުނާ ނޯމަލް ދިރިއުޅުމަކީ މީތަ؟.”

އެއްއަތުން ދަރިފުޅު އުރާލައިގެން ހުރެ އަނެއްއަތުން ގޯތިތެރޭގައި ހުރި ގަސްމުށިގަނޑަށް ފެންފޮދެއް އަޅާލުމަށްފަހު އައިލީން އުޑުމައްޗަށް ބަލާލި އެވެ. ފުރާޅުގައިވާ ދިޔަދޮވި ކައިރިން ހިމަދާއިރަކުން އޭނާއަށް އުޑު ފެނުނެވެ. އެ ގުދުރަތުގެ ހާމަކަން ފެނުމުން އައިލީންގެ ނަފްސަށް މިނިވަންކަމުގެ އިޙްސާސް ކުރެވިގެން ދިޔަ އެވެ. އޭނާ ހަށިފުރާ ފުންނޭވާއެއް ލިއެވެ. ޒަހްރާންގެ ވަކިތަކުން ދުރަށް އާދެވިއްޖެކަމުގެ މިނިވަންކަމެވެ. އަދި ކުރިޔަށް ދިރިއުޅުން ރޭވުމުގެ ޚިޔާލުތައް އައިލީން ކުރަންފެށި އެވެ.

“އައި ލައިކް ދިސް.” އަމިއްލަ ނަފްސަށް އައިލީނަށް ބުނެވުނެވެ. އަދި ލޯބިން އަމާރާގެ މޫނުގައި ބޮސްދިންއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

ދޮރޯށި ހުޅުވާލާފައި އަރްކާން ގެއަށްވަނީ އެވަގުތެވެ. އޭނާއަށް އައިލީންގެ ހިނިތުންވުން ފެނުނެވެ. އެ ދެ ލޮލުން އުންމީދުގެ ވިދުން ފާޅުވާތީ ފެނުނެވެ. ނަމަވެސް އެއީ ފަޅި ސުކުންތަކަށެވެ. އަރްކާން ފެނުމާއެކު އައިލީންގެ ޠަބީޢަތް ބަދަލުވެގެން ހިނގައްޖެ އެވެ. އަރްކާންގެ މޭ ފިތިގެން ދިޔަ ފަދަ އިޙްސާސެއް ކުރެވުނެވެ. އަސަލްގެ ވާހަކަތައް ކަންފަތުގައި ގުގުމާލި އެވެ.

“ހާއި…” ޖެހިލުންވެފައި ހުރެ ވެސް މިފަހަރު ފުރަތަމަ އިޝާރާތެއްވެލީ އައިލީންގެ ފުށުންނެވެ. އަރްކާން ފެނުމުން ފިލާކަށް މިއަދު އޭނާ ނޫޅުނެވެ.

“ހާއި…” އަރްކާން ޖަވާބުގައި ބުންޏެވެ. ނަމަވެސް ފިނިގޮތަކަށެވެ. އޭނާ އައިސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ދޮރު ލެއްޕީ އެވެ. އައިލީނަށް އިތުރު ނަޒަރެއް ބަދަލުކޮށްލުމެއްނެތި އެވެ.

އައިލީނަށް އެ މަންޒަރު ފެނި ރަކިވީ އެވެ. އަރްކާންގެ އެ ފިނި ޢަމަލުން އައިލީނަށް އިޙްސާސް ކުރެވުނީ ދުރުކަމެވެ. އެ ދެމެދުގައި އެކުވެރިކަމަށް ފުރުޞަތު ދެވިދާނޭ އައިލީނަށް ހީކުރެވުނީތީ އެކަމާ އޭނާގެ އަމިއްލަ ނަފްސަށް އަޑުލި އެވެ. ލަދުގަނެއްފައި ހުރި ފަދައިން ދަރިފުޅު ގޮވައިގެން އައިލީން އަވަހަށް އެޕާޓްމެންޓަށް ވަނީ އެވެ.

ދޮރުގައި ލެނގިލައިގެން ހުރި އަރްކާންގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. އޭނާ ފޯނުން ހޯދާލީ ކުރީ ދުވަހު ދިމާވި ޒުވާނާ ދިން ނަންބަރެވެ. އޭނާގެ ފޯނުން އަރްކާން އެ ދުވަހު ދުށީ އައިލީންގެ ފޮޓޯ އެވެ.

( ނުނިމޭ )

Leave a Comment

Your email address will not be published. Required fields are marked *