LOABIVAANAMEY [EP.06]

“އަހަރެން މިވަންނަނީ.” އަރްކާން ބުންޏެވެ. ތަޅުގައި ހިފާލި އެވެ. މާކުރީން ވެސް އެ ދޮރު ހުންނާނީ ތަޅުލާފައިކަން އަރްކާނަށް އެނގެ އެވެ. އޭނާ ތަޅުގައި ދެ އަތުން ހިފައި ގައިގާ ހުރި ބާރެއް ލާފައި ފެލާލީ އެވެ. އެއާއެކު އަޑެއް ކިޔައިގެން ދިއުމާއެކު ދޮރު ހުޅުވިއްޖެ އެވެ.

——————————-

( 19 އޮކްޓޯބަރ 2026 އާ ގުޅޭ )

* * * * *

ކޮންމެ ފަހަރަކު އަމާރާ ހިތްހަމަޖެހޭ ވަރަށް ގާތުންނެއް ނުދެވެ އެވެ. އެވަރަށް ނުހުންނަނީ އެވެ. އައިލީންގެ ހަށިގަނޑު ނިކަމެތިކަމުންނެވެ. ރަނގަޅަށް ނުކެވޭތީ އެވެ. އެކަމަށް ސަމާލުކަން ވެސް ނުދެވެނީ އެވެ. ހަމައެއާއެކު ދުޅަހެޔޮކޮށް ހުރުމަށް، ފައިދާކުރާނޭ ކާނާ ކެއުމަށް ބާރުއަޅާނޭ މީހަކުވެސް ގާތުގައި ނެތީ އެވެ. ގާތުން ދިނަސް ބަނޑުބޮޑު ނުވެގެން އަމާރާ ކޮންމެ ފަހަރަކު ބޮޑާހާކާނެ އެވެ. އެކަމަށް އޮތް ހައްލެއްކަމުގައި އައިލީން ދުށީ ބުއްފުޅި އެވެ. ފުޅިން ދޭން ފެށުމުން އައިލީނަށް ވެސް ފަސޭހަ އެވެ. ހައްޓަށް މާބޮޑަށް ވެސް ލުޔެވެ. ރަނގަޅަށް ބަނޑުބޮޑުވުމުން ދަރިފުޅު ވެސް ހަމަޖެހިފައި އިންނަ ވަގުތު ގިނަ އެވެ.

ސޯފާ ކައިރީ ތަޅުންމަތީ އޮތް އަމާރާގެ ގާތުން އައިލީން ތެދުވި އެވެ. އޭނާ ކަބަޑުސެޓު ކައިރިޔަށް އައީ އަމާރާއަށް ބުއްފުޅިއެއް ހަދާށެވެ. ފުޅީގެ މަތިގަނޑާއި ތުންބައި ނަގައި އެއްފަރާތުގައި ބާއްވާލި އެވެ. ނިކަން ފަރުވާތެރިކަމާއެކު އެވެ. ކަރަންޓަށް ގުޅާފައި ހުރި ޖަގު ޖައްސާލި އެވެ. އޭގައި ހުރި ފެން ކިރިޔާ ހޫނުވެލަންވާއިރަށް ކަރަންޓު ކަނޑާލައިފި އެވެ. ޖަގު ނަގައި ފުޅިއަށް ފެން އެޅި އެވެ. އަދި އިހު ހުރި ދިމާގައި ޖަގު ބަހައްޓާލާފައި އައިލީން އުޅުނީ ކައުންޓަރު މަތީ ފާރާ ކައިރީ، ބިއްދޮށުގައި ބަހައްޓާފައި ހުރި ބުއްދަޅު ނަގާށެވެ. އޭނާ އުޅުނީ ނުހަނު ބަލައިގެންނެވެ. ނަމަވެސް ކުއްލިއަކަށް ކިރުދަޅު ނެގުމުގެ ތެރެއިން ބުއްފުޅީގައި އައިލީންގެ އުޅަންބޮށި ޖެހުނީ އެވެ. ވަގުތުން ބުއްފުޅި ވެއްޓި ކައުންޓަރު މަތިން އެނބުރެމުން އައިސް ޖެހުނީ ތަޅުމުގަ އެވެ. ވެއްޓެން އައި ވަގުތު ކިރުދަޅު ދޫކޮށްލާފައި ފުޅީގައި ހިފަން އައިލީން އަތް ދިއްކޮށްލި އެވެ. ނަމަވެސް އޭނާއަށް ހިފޭގޮތެއް ނުވި އެވެ. ޓައިލްސްމަތީ ޖެހުނު ގޮތަށް ބުއްފުޅި ކުދިކުދިވީ އެވެ. ބިއްލޫރި ފުޅިއެއްވީމަ އެވެ. ހާސްކަމާއި ބިރުވެރިކަން އައިލީން ވަށާލަން ސުކުންތެއް ވެސް ނުނެގި އެވެ. ސިއްސައިގެން ގޮސް އަމާރާ ރޯންފެށުމުން އިތުރު ހާސްކަމެއް އައިލީނަށް ލިބުނެވެ. އެކިދިމާއަށް ބުރައިގެން ގޮސްފައިވާ ފުޅިތޮށިކޮޅުތަކަށް ވިސްނާލުމެއްނެތި އައިލީނަށް އުޅެވުނީ ދަރިފުޅުގެ ގާތަށް ދާށެވެ. އެހިނދު ފެންތަކުމައްޗަށް އެރި އައިލީން ކައްސާލައިގެން ވެއްޓުނީ އުއްޑުންނެވެ. ޓައިލްސްމަތީ އޭނާގެ ބޮލުގެ ފުއްކިބަ ޖެހުނު އަޑުވެސް އިވުނެވެ.

އެޕާޓްމެންޓުގެ ދޮރުކައިރިން އަރްކާންގެ އަޑު އައީ ނިކަން އަވަހާ އެވެ. އައިލީން އިތުރަށް ސިހުނެވެ. ދޮރުހުޅުވަން ދާނެ ހިތްވަރެއް އޭނާގެ ނެތްފަދަ އެވެ. އެހެންވިޔަސް އޭނާ ބެލީ އަމާރާގެ ގާތަށް ދެވޭތޯ އެވެ. ނަމަވެސް މާބޮޑު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް ފެނުނީ އަރްކާން އެޕާޓްމެންޓަށް ވަންތަނެވެ.

ކަންބޮޑުވުން އެކުލެވިފައިވީ ބެލުމަކުން އަރްކާން ބަލަން ހުއްޓެވެ. އައިލީންއާ ގާތަށް ފިޔަވަޅެއް އަޅާލަން އުޅެފައި ހުއްޓުނީ އެވެ. އައިލީން ސިއްސައިގެން ގޮސް ފަހަތަށް ދެމިލީ ގޮތުންނެވެ. އަރްކާންގެ ނަޒަރު ސޯފާ ކައިރީ ތަޅުންމަތީ އިން އަމާރާއަށް އަމާޒުކޮށްލެވުނެވެ.

“ސޮރީ… ގަސްދުގައެއްނޫން… ޖެހިފައި ވެއްޓުނީ…” ހާސްކަމާއި ބިރުވެރިކަމެއްގެ އިޙްސާސްގައި ބަނދެފައިވި އިނދެ އައިލީން ވާހަކަދައްކަން މަސައްކަތް ކުރި އެވެ.

“އައިލީން.” އަރްކާން ގޮވާލި އެވެ. ނަމަވެސް އައިލީންގެ ސަމާލުކަން ލިބޭގޮތެއް ނުވި އެވެ. އޭނާ ތެދުވަން މަސައްކަތް ކުރަނީ އެވެ.

“ހޭއި… ހޭއި… ލުކް އެޓް މީ… އައިލީން.” ތަންކޮޅެއް ބާރަށް އަރްކާން ބުނެލި އެވެ. އައިލީންގެ ސަމާލުކަން ހޯދުމަށެވެ. ވަގުތުން އަރްކާން އައިސް އައިލީންއާ ކުރިމަތިވާނޭހެން އެއްފައި މައްޗަށް ތިރިވެލި އެވެ. އައިލީންގެ ނަޒަރު އެހިނދު އަރްކާންއާ ބައްދަލުވެއްޖެ އެވެ.

“މަޢާފަށް އެދޭވަރުކަމެއްނޫންތީ. އާ ޔޫ އޯކޭ.” އައިލީނަށް އަނިޔާއެއްވިތޯ އެ ހަށިގަނޑަށް ބަލަމުން އަރްކާން ވާހަކަދެއްކި އެވެ.

“ހޫމް…އޯ…ކޭ.” މަޑުމަޑުން އައިލީން ބުންޏެވެ. އޭނާއަށް ހިންދިރުވާލެވުނެވެ. އޭނާ ނުހަނުބޮޑަށް ބިރުގަތީ އެވެ. ނަމަވެސް އެ ބިރުގެ އިޙްސާސް ތެރޭން އަރްކާންގެ އަޑު އޭނާއާ ހަމައަށް ފޯރީތީ ނަފްސު ހަމަޖެހެން ކޮންމެވެސް ވަރެއްގެ ފުރުޞަތެއް ލިބިއްޖެ އެވެ.

“ބިއްލޫރި މިއޮތީ. އަހަރެން މިވަގުތައް ބޭބީ އުރާލާނަން. އައި ތިންކް ޝީޒް ސްކްއަރޑް. އައިލީން މަޑުމަޑުން ބަލައިގެން ތެދުވޭ.” އަރްކާން ލަސްލަހުން ލަފުޒުތައް އަތުރާލި އެވެ. މިފަހަރު އައިލީން ބޯޖަހާލީ އެވެ. އަރްކާންއާ އެއްބަސްވީ އެވެ.

“ހޭއި ޕީޗް… ބިރުގަތީތަ؟. ޔޯ މާމާ އިސް އޯކޭ. ލުކް… ޝީޒް އޯކޭ. ޔޫ އާ ސޭފް.” ކުޑަކުޑަ އަމާރާ ނަގައި އަރްކާންގެ ދެއަތުގެ ތެރޭ މެޔާ ގާތްކޮށްލައިގެން ހުރެ ލައްލާލަން ފެށިއެވެ. އޭރު އެކުއްޖާ އިނީ ގިސްލެވޭ ގޮތްވެފަ އެވެ.

ވަށައިގެން ބުރައިގެން ގޮސްފައިވާ ފުޅިތޮށިތަކަށް ބަލަމުން މިފަހަރު އައިލީން ތެދުވި އެވެ. އޭނާއަށް އަމާރާ ގޮވައިގެން ހުރި އަރްކާން ފެނެ އެވެ. އެކުއްޖާއާ އަރްކާން ވާހަކަދައްކާ އަޑު ވެސް އިވެ އެވެ. އުންމީދު ނުކުރާހާ އަވަހަށް އަރްކާންގެ އަތުގެތެރޭ އަމާރާ ހަމަޖެހުނެވެ. ބަޔާންކުރަން ނޭނގޭ ޝުޢޫރުތަކެއް އައިލީންގެ ހިތުގައި ހިނގައިގަތެވެ. އަރްކާންގެ އަތުން އަމާރާ ނަގަން އައިލީން ބޭނުންވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. ނަމަވެސް އިހަށް ތަޅުންގަނޑުކަން ސާފުކުރަންވީ އައިލީންގެ ޟަމީރު ހަނދާންކޮށްދިނެވެ. އޭނާ ފިހިގަނޑު ހޯދަން އެނބުރިލި އެވެ.

“މަޑުކޮށްބަލަ އައިލީން” އަރްކާން ގޮވާލީ ހަމައެވަގުތެވެ.

“ސޮރީ… މި އަވަސްކޮށްލަނީ. ނޫން… އިހަށް ގެނޭ އަމާރާ. އުރާލައިގެން އަހަރެންނަށްވާނެ.” އައިލީން ނިކަން އަވަހަށް ބުނެލި އެވެ.

“އަހަރެންނަށް އެއްޗެއް ބުނެވުނީތަ؟.” އަރްކާން އަހާލި އެވެ. އެއާއެކު އައިލީން ބަސްހުއްޓުނެވެ. ވިސްނާލެވުނެވެ. އޭނާގެ ނަމުން ގޮވާލުން ފިޔަވައި އަރްކާން އެއްވެސް އެއްޗެއް ނުބުނެ އެވެ.

“މީ… ލޭ އެބާދޭ…” އައިލީން ހުއްޓުން އަރާފައި ހުރުމުން އަރްކާން ވާހަކަދެއްކީ އަތުން އިޝާރާތްކުރަމުންނެވެ. އޭނާ އެއްއަތުން އަމިއްލަ އަރިކައްޓާ ދިމާ ފަހަތަށް އިޝާރާތްކޮށްލާފައި އައިލީންގެ ބުރަކަށްޓަށް އަތް ދިއްކޮށްލި އެވެ.

“ޑެމްއިޓް.” އަނެއްކާއަނެއް ކަންތަކޭ ބުނާ ފަދައިން އައިލީނަށް ބުނެވުނެވެ. އޭނާ ޓީޝާޓުގައި ހިފައި ކުޑަކޮށް ދަމާލަން އުޅުމުން އަރްކާން ވަގުތުން އެކަން ހުއްޓުވި އެވެ.

“ކަމް ހިއާ.” އަރްކާން ބުންޏެވެ.

“އިޓްސް އޯކޭ.” އައިލީން އަވަސްއަވަހަށް ބުނެލިއެވެ.

އަރްކާން އައިސް އައިލީންގެ އަތުގައި ހިފާލި އެވެ. ވަގުތުން އޭނާއަށް އަތްފޮޅުވާލެވުނެވެ. އަރްކާން ހަރަކާތެއްނުކޮށް ހުރެފައި އިޝާރާތްކުރީ ސޯފާއާ ދިމާއަށެވެ. ނުދާން ހުރެފައި ވެސް އައިލީން އައިސް ސޯފާގައި އިށީނެވެ.

“ހީވަނީ ފުޅިތޮށިކޮޅެއް ހެރިފަހެން. ބަލާލަންތަ؟.” އަރްކާން އަހާލި އެވެ. އައިލީން އިނީ ދެ ޚިޔާލެއްގަ އެވެ. އޭނާގެ ހިމޭންކަން ދިގުލާން ފެށުމުން އަރްކާން ގޮވާލި އެވެ. އައިލީން ބޯޖަހާލީ ބޭނުންނުވެފައި އިނދެ އެވެ. އެކަން އެ މޫނުގައިވީ އަސަރުތަކުން އަރްކާން ދުށްޓެވެ.

އައިލީންގެ ކައިރީ ސޯފާގައި އިށީނދެ އެއް އަތުން ޓީޝާޓުގެ ބޭރުން އަރްކާން ބަލާލި އެވެ. ޓީޝާޓުގެ ބޮޑުބައެއް ލެއިންވަނީ ފޯވެފަ އެވެ. ޓީޝާޓުކޮޅު ހިއްލާލައިގެން ނޫނީ ލިބިފައި ހުރި އަނިޔާ ލަފާނުކުރެވޭނެކަން އެނގެ އެވެ.

“ބެންޑޭޖް ހުންނާނެތަ؟.” އަރްކާން އަހާލި އެވެ.

ތިރީ ތުންފަތުގައި އައިލީން ދަތް އަޅާލި އެވެ. އިސްއޮބާލައިގެން އިނދެ އޭނާ ދެފަރާތަށް ބޯހޫރުވާލީ އެވެ. އަރްކާން ވަގުތުން ކޮޅަށް ތެދުވި އެވެ. އޭނާގެ އަތުގައި ފަސްޓްއެއިޑް ފޮށްޓެއް އޮތްކަން ހާމަކުރި އެވެ. އެ ހިފައިގެން އެބަ އަންނަން ކަމުގައި ބުނެ ދާން އަރްކާން އެނބުރިލި އެވެ. އެހިނދު ފުރަގަހުން އޭނާގެ ޓީޝާޓުގެ ފަސްބައިގައި އައިލީން ހިފީ ނުހަނު ބާރަށެވެ.

“އޭނަ ދީފަ ދޭ.” އައިލީންގެ ދެ ލޮލުން ފާޅުވަމުންދިޔަ އަސަރު އަރްކާނަށް ތަރުޖަމާކުރެވުނެވެ. އޭނާ ދެކޮޅުހެދުމެއްނެތި އައިލީންގެ އަތަށް އަމާރާ ލައިދިނެވެ. އެ ކުއްޖާ ފެންނަނީ އަރްކާންގެ ގާތުގައި ނިކަން ހަމަޖެހިފައި އިންތަނެވެ. އެހާވަރަށް ރޮވުނީތީ ނިދި ވެސް އައިސްފައި އިން ކަހަލަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ނުކުންނަން އަރްކާން ހިނގައިގަތެވެ.

* * * * *

ފުންނޭވާއެއް އަރްކާނަށް ދޫކޮށްލެވުމާއެކު މޫނުގައި ދެއަތްތިލަ ހިންގައިލެވުނެވެ. ދެން އޭނާ އަވަސްއަވަހަށް ބަދިގޭގެ ކަބަޑަކުން ފަސްޓްއެއިޑް ފޮށި ނަގައި ހުޅުވާލި އެވެ. އޭގައި މިވަގުތައް ބޭނުންކުރެވޭނޭ އެއްޗެހި ހުރިތޯ ބަލަންފެށި އެވެ.

“އޭނާއަށް ތަދު ވެސް އިޙްސާސް ނުވަނީތަ؟. އަހަރެންނަށް ބަލާލި ގޮތުން ހީވީ ޕީޗް ގޮވައިގެން އަހަރެން ފިލަން އުޅެނިއްޔޭ.”

ފަސްޓްއެއިޑް ފޮށި ހިފައިގެން އަރްކާންގެ އެޕާޓްމެންޓުން ނުކުންނަން އައެވެ. އޭނާގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދެމުންދިޔަ އެވެ. އައިލީންގެ ފުށުން ފެންނަ އަސަރުތަކުގެ ސަބަބުންނެވެ. ވަރަށް ބިރުވެރި ނުވަތަ ނުރައްކާތެރި ކަމެއް ކުއްލިއަކަށް ކުރިމަތިވެދާނޭ ކަމުގެ އިންތިޒާރުގައި އައިލީން ހުންނަ ފަދަ އެވެ. ލޯމައްޗަށް ފެންނަ މަންޒަރުތަކަށް ވެސް އޭނާއަށް އިތުބާރެއް ނެތް ކަހަލަ އެވެ. އޭނާގެ ސިހުންތަކުން އަރްކާނަށް ދޭހަ ކުރެވުނީ އެ އަންހެންކުއްޖާގެ ހަޔާތުގައި ކަންކަން ގޯހުން ގޯހަށް ގޮސްފައި އޮތްކަމެވެ.

އަރްކާން އައިސް އައިލީންގެ އެޕާޓްމެންޓަށް ވަނެވެ. މުޅި އެޕާޓްމެންޓް ތެރޭގައި ނުތަނަވަސްކަމެއް އުފެދިފައިވާ ކަހަލަ އެވެ. ފެނާއި ބިއްލޫރިކޮޅުތަކުން ބަދިގޭ ތަޅުން ހަޑިވެފައި އޮތުމަކުން ނުވަތަ ތަނަށްވެރިވެފައި އޮތް ސްޓްރެސްގެ ސަބަބުންނެއް ވެސް ނޫނެވެ. އެތަނަށް ވެރިވެފައި އޮތީ އަމާންކަމެއްނެތް އިޙްސާސެކެވެ. ޔަޤީނުން ވެސް ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި އައިލީންއަށް ބަލާލުމުން ބުނެދެނީ އެކަމެވެ. ލިބިފައިވާ ހާސްކަމުގައި އޭނާ ހީވަނީ އަނބުރައިގަނެދާނޭ ހެންނެވެ.

“ބްލީޑްވާއިރު ތިހެން ދެކޮޅަށް ހިނގުން ރަނގަޅެއްނުވާނެ.” އަރްކާން ބުންޏެވެ.

“އައި ކޭން ޑޫ އިޓް.” ފަސްޓްއެއިޑް ފޮށި ދޭށޭ ބުނާ ފަދައިން އައިލީން ކަނާއަތް ދިއްކޮށްލި އެވެ.

“އެކަނި އުނދަގޫވާނެ.” އަރްކާން މަޑުމަޑުން ބުންޏެވެ.

“އައިމް ފައިން.” އައިލީން ބުންޏެވެ. އޭނާއާ މެދު ކަންބޮޑުނުވާށޭ ބުނާން އުޅޭ ކަހަލަ އެވެ.

“އަހަރެންގެ އެހީތެރިކަމެއް ބޭނުންނޫނިއްޔާ ޑަކްޓަރަށް ހިނގާ. އެތަނުން ނަރުހުން ބޭސް އަޅައިދޭނެ. ލޭމަނާ ކުރަން ޖެހޭނެ ދޯ. ބޭސް ނާޅާ ދޫކޮށްލައިފިނަމަ އިންފެކްޝަނެއް އުފެދިދާނެ. އައިލީން ނިންމާ ގޮތެއް. ބޭނުމިއްޔާ އަހަރެން ހިނގައިދާނަން ހޮސްޕިޓަލަށް ގޮވައިގެން ވެސް.” އަރްކާންގެ އަޑުގައި މަޑުމައިތިރިކަން ވީ ނަމަވެސް އޭނާ ހަތިޔާރު ބެހެއްޓި އެވެ.

“ނޫން… ހޮސްޕިޓަލެއްނޫން…” އިހުނަށްވުރެ އައިލީން ހާސްވި އެވެ. މާޔޫސްކަމުގެ ބެލުމަކުން އައިލީން ބަލާލި އެވެ. އޭނާއަށް އިތުރުގޮތެއް ނެތިގެންނެވެ. ގޮތްދޫކުރި ފަދައަކުން އައިލީން ސޯފާގައި އިށީނެވެ. އޭނާއަށް ހޮސްޕިޓަލަކަށް ނުދެވޭނެ އެވެ. ގެއިން ބޭރަށް ނުކުންނަން ވެސް އޭނާ އެ އިންނަނީ ބިރުންނެވެ. ޒަހްރާނަށް ފެނިދާނޭތީ އެވެ.

“ރަނގަޅޭ ބުންޏަސް އައިލީން ރަނގަޅުނޫންކަން އަހަރެންނަށް އެބަފެނޭ. އަހަރެންގެ އެހީ ޤަބޫލުކުރޭ.” އަރްކާން ބުންޏެވެ. އައިލީން ބޯޖަހާލީ އިސްއުފުލައި ބަލާލުމެއްނެތި އެވެ. އޭނާއަށް އެނޫން ގޮތެއް އެބައޮތް ހެއްޔެވެ.

އަރްކާން މަޑުމަޑުން އައިލީންގެ ގާތުގައި ސޯފާގައި އިށީނެވެ. އޭރު އެންމެހައި ޣަރީޒާތަކެއް (އިންސްޓިންކްޓްތަކެއް) އޭނާ ގާތު ބުނަމުން އައީ އިންޒާރެއް ދިނުމަކާ ނުލައި އައިލީންގެ ގައިގާ އަތްނުލުމަށެވެ. އެހެންވެ އަރްކާން އެކަމުގެ ހުއްދައަށް ފުރަތަމަ އެދުނެވެ.

“އަހަރެން ޓީޝާޓު ހިއްލާލާނަން.” އަރްކާން ބުންޏެވެ. ތިރީތުންފަތުގައި ދަތްއަޅައި ބާރުކޮށްލުމާއެކު އައިލީނަށް ދެ ލޯ މަރާލެވުނެވެ. އޭނާ އާނއެކޭ ބުނަން ބޯ ހަލުވާލީ ދެނެވެ. އެ ހަށިގަނޑުން ކުޑަ ތަންފުކެއްވިޔަސް ޒަހްރާން ނޫން ފިރިހެނަކަށް ކަޝްފުވާ މީ ފުރަތަމަ ފަހަރެވެ. އެކަމުގެ ލަދުވެތިކަން ވެސް އޭނާގެ ނަފްސު ވަށާލައިފައިވެއެވެ.

ޓީޝާޓު ހިއްލާލުމާއެކު އަރްކާނަށް ހުއްޓުން އެރި އެވެ. އޭނާގެ ނޭވާއަށް ވެސް ބަދަލު އައެވެ. ނަމަވެސް އެކަމުން އޭނާ ނިކަން އަވަހަށް އަރައިގަނެ ހަމަޖެހިލި އެވެ. އެކަމަކު އޭނާގެ ދެބުމަ ކައިރިކޮށްލެވުނު ގޮތަށް ހުރީ އެވެ. ނިތަށް ގިނަވެފައިވި ރޫތަކާއެކު އޭނާއަށް ދަތްކުނޑިވިކައިލެވިއްޖެ އެވެ. ދެންވެސް އޭނާއަށް ފެނުނު މަންޒަރަށް އެއްޗެކޭ ނުބުނެ އެވެ.

ކަންބޮޑުވުމާއި ހާސްކަމުގައި އައިލީނަށް ހިންދިރުވާލެވުނީ ފާޅުކަން ބޮޑުކޮށެވެ. އަރްކާނަށް އެވަރު ނަގައިގަނެވުނެވެ. ވާހަކަދެއްކުމެއްނެތި އައިލީންގެ އަރިކައްޓާ ދިމާ ބުރަކަށީން ކަފައިގެން ގޮސްފައި ހުރި ތަންކޮޅު ސާފުކުރަން އަރްކާން ފެށި އެވެ. އޭނާ “އެންޓިސެޕްޓިކް” ބޭސްކޮޅެއް ޖެހުމާއެކު ދިލަނަގައި ތަދުވީވަރުން އައިލީންގެ އަނގައިން ސިހިގެން ދިޔަކަމުގެ އަޑެއް ނުކުތެވެ.

“ސޮރީ.” އެހާމެ އަވަހަށް އައިލީން ބުންޏެވެ.

“ޔޫ އެޕޯލަޖައިޒް އަ ލޮޓް.” ބޭސްމަލަން އަޅަމުން އަރްކާން ބުނެލި އެވެ. ކުޑަވަގުތުކޮޅެއްގެ ހިމޭންކަން ވެރިވި އެވެ. ދެން މަޑުމަޑުން އައިލީން ވާހަކަދެއްކި އެވެ.

“އައި ނޯ.” އައިލީން ބުންޏެވެ.

އެ ބަސްތައް އިއްވާލި ގޮތުން އަރްކާންގެ ހިތަށް އަސަރުކުރި އެވެ. ބަޔާންކުރާން ދަތި ތޫނު ތަދެއްގެ އިޙްސާސް ކުރެވިގެން ދިޔަ ފަދަ އެވެ. ހުރިހާ ވާހަކައެއް ލަފުޒުތަކަކުން އައިލީން އިއްވާ ނުދިނަސް އަރްކާނަށް އިވެމުންދާ ކަހަލަ އެވެ. ކުރިޔަށްވުރެ ބާރު އޭނާގެ ކަތުރުކަށިގަނޑަށް ލެވި ވާންވެލި އެވެ.

“އިޓްސް ޑަން.” ބޭސް އަޅައި ނިންމާލާފައި އަރްކާން ބުންޏެވެ.

އައިލީން ތެދުވި އެވެ. އޭނާ ބަލާލި ގޮތުން ހީވީ އަރްކާންގެ ބޭނުމެއް ދެންނެތޭ ބުނަން އުޅޭ ހެންނެވެ. އެތަނުން ދާން އަރްކާން ގާތު ބުނަން ބޭނުންވެފައި ހުރީ ހެންނެވެ. ނަމަވެސް އަރްކާންއަށް ކަންތައް ކުރެވުނީ ދިމާ އިދިކޮޅަށެވެ.

“އައިލީން މަޑުކުރޭ. އަހަރެން އެތަން ސާފުކޮށްލަދޭނަން.”

އައިލީންގެ ޖަވާބަކަށް ހުއްޓުމެއްނެތި އަރްކާން ތެދުވިގޮތަށް ބަދިގެއާ ކައިރިވެލައިފި އެވެ. ބުނަންވީ އެއްޗެއް ނޭނގި ބަލަން އައިލީނަށް ހުރެވުނީ އެވެ. އޭރު އޭނާގެ ހިތާއި ސިކުނޑިއަށް އެތައް ޚިޔާލުތަކެއް އަރާ ފައިބަމުންދިޔަ އެވެ. އޭނާގެ ކަންފަތަށް މާޒީގެ ބާރު އަޑުތައް އިވެންފެށި އެވެ.

“ފިރިހެނުން ނުޖެހޭނެ ގޭގެ މަސައްކަތެއް ކުރާކަށް. އައިލީންގެ ކަމެކޭ ގޭތެރެ ބެލެހެއްޓުމަކީ. އަންހެނަކަށްވެ އެވަރު ވެސް ނުވަންޏާ…”

އައިލީނަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އެ އިވުނީ ޒަހްރާންގެ މަންމަގެ އަޑެވެ. ގޭތެރޭގެ އެއްވެސް ކަމެއްގައި ޒަހްރާނުގެ އެހީތެރިކަމެއް އައިލީނަށް ނުލިބޭނެ އެވެ. ކުޑަމިނުން ޒަހްރާނު ގެއަށް އައިސް ބާލާ ފައިވާނާއި ބޫޓު ވެސް ނަގައި އެ ހުންނަންޖެހޭ ކަބަޑަށް ލުމަކީ އައިލީންގެ ޒިންމާއެކެވެ. ކުރިމަތީ އަރްކާން ހަރަކާތްތެރިވާތަން ފެނުމުން އައިލީންގެ ހިތަށް އުނދަގޫވަނީ އެވެ. ނަފްސުގެ ތެރޭ ބުނެދޭންނޭނގޭ ހައިޖަނަކާއި ރުޅިވެރިކަމެއް އުފެދެނީ އެވެ. ތުންފަތް ބައްދާލައި ހުޅުވާލި އައިލީން ބޭނުންވީ އަރްކާނާ ދިމާއަށް ހަޅޭލަވައިގަންނާށެވެ. ނުކުންނާށޭ ބުނާށެވެ. ނަމަވެސް އެ ހިތްވަރެއް ނެތެވެ. އަރްކާންދެކެ ރުޅި އަންނަންވީ ސަބަބެއް ހަޤީޤަތުގައި ނެތެވެ. އެހެންވިޔަސް ހިތަށް ކުޅަދާނަނުވަނީ ކޮންސަބަބަކާ ހުރެކަމެއް ނޭނގެ އެވެ.

“ޕީޗްއަށް ނިދުނީނު. ދާންވީނު ބާއްވާލަން.” ބަދިގެތެރެ ސާފުކޮށްލުމަށްފަހު އަރްކާން އައިސް އަމާރާއަށް ބަލާލަމުން ބުންޏެވެ.

“އޯކޭވާނެ.” އައިލީން ބުންޏެވެ.

“އެބަ އަންނަން ބޭރަށް ގޮސްފައި. ތަޅު ނެތީމަ އައިލީނަށް އުނދަގޫވާނެ އެއްނު. ޖިސްޓް ގިވް މީ ތާޓީ ވަރަކަށް މިނެޓްސް.” އަރްކާން ބުންޏެވެ.

އެޕާޓްމެންޓްގެ ތަޅު ހަލާކުވެފައި ހުރިކަން އައިލީނަށް ރޭކާލީ ދެނެވެ. އޭނާގެ ކަޅި އެ ދިމާއަށް ހުއްޓިގެން ދިޔައީ ބިރުގެންފައިވާ މީހަކުހެންނެވެ. އަރްކާން ހިނގައިގަތީ ނުކުންނާށެވެ. ހާމަނުކުރިނަމަވެސް އައިލީނަށް ހިތާހިތުން ގަޑި ގުނަން ފެށުނެވެ. އަރްކާން އެނބުރި އަންނާނޭ އިރެކެވެ. އެޕާޓްމެންޓުގައި ތަޅެއް ހަރުކުރެވޭނޭ އިރަކަށެވެ.

* * * * *

ދޮރޯށްޓާ ދިމާއަށް ހުއްޓާލެވިފައިވާ ދެ ލޯ މަޑުމަޑުން ފެންކަޅިވަމުން އައިސް އޭގެ މަޤާމު ދޫކޮށްލި އެވެ. ނޭފަތް އެތެރެއަށް ދަމާލުމާއެކު އަވަސް އަވަހަށް އައިލީންގެ ކަނާއަތުން ފަހަރަކު ކޯތާފަތެއް ފުހެލައިފި އެވެ.

“ވައި އޭމް އައި ލައިކް ދިސް.” ހިތާހިތުން އައިލީނަށް އަހާލެވުނެވެ. ސުވާލާއެކު ހިތުގެ ރިހުންވީ ގަދަ އެވެ. ދެ ލޮލަށް ބޮނޑިވި ކަރުނަވީ ގިނަ އެވެ. ކޯތާފަތުން ތިރިއަށް ކަރުނަތައް ދަތުރުފެށީ ބަންޑުންވަމުންދިޔަ ސައިލެއް ފަދައިންނެވެ.

“އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް؟. ރެންގެ ގޮތް ދަސްކުރަން ވަގުތު ނުދެވުނީތަ؟. އަވަސްއަރުވާލާފައި މެރީކުރުންތަ ގޯހަކީ؟.” އައިލީންގެ ސިކުނޑީގެ ނާރުތަކަށް ވާންވަމުންދިޔައިރު ހީވަނީ ނާށިގަނޑު ފަޅައި ސިކުނޑި ނުކުންނަން މަސައްކަތް ކުރަނީ ހެންނެވެ.

ދުންފިނީގެ ތެރެއިން މާޒީގެ ސަފްޙާތައް ސާފުވާން ފެށި އެވެ. އެއީ އައިލީންގެ ދިރިއުޅުމާއި އޭނާގެ ހަޔާތުނާމާއިން މާޒީއަށް ދޫކޮށްފައިވާ މަންޒަރުތަކެވެ. ދުވެފައި މަގުމައްޗަށް ނުކުތް އައިލީން ސިހުނީ މީހެއްގެ ގައިގާ ލައިގަތީމަ އެވެ. އެ މީހަކު ފިސާރި ހުސިޔާރުކަމާއެކު އޭނާގެ ދެއަތުގައި ހިފެހެއްޓީތީ ނުވެއްޓި ސަލާމަތްވި އެވެ. ނަމަވެސް އަތުގައި އޮތް ކޮފީތަށި ސަލާމަތެއްނުވި އެވެ. އިސްއުފުލައި އައިލީން ބަލާލި އެވެ. އެއީ އޭނާއާއި ޒަހްރާނުގެ ފުރަތަމަ ބައްދަލުވެލުމެވެ. ހަމައެކަނި ފެނިލުމެވެ. ހަތަރުކަޅި ބައްދަލުވެލި ހިތްގައިމު ވަގުތުކޮޅެވެ.

“ކިރިޔާއެއްނު ތި ސަލާމަތްވީ.” ޒަހްރާނު ބުނެލީ ލުއި ހިނިތުންވުމަކާއެކު އެވެ.

“ވަރަށް ލަސްވެގެން މިދަނީ.” އައިލީން ބުންޏެވެ. އޭނާ ޒަހްރާނުގެ އަތުގެ ތެރެއިން ނުކުމެގެން ދިޔައީ ވެސް ދުވަމުންނެވެ. ޖެހިގެން އޮތް ގޯޅި އެޅުމުގެ ކުރީން ފަސްއެނބުރި ބަލާލި އެވެ. ޒަހްރާން ބަލަން ހުއްޓެވެ. ދެ ޒުވާނުންގެ ތުންފަތަށް ނިކަން ފުޅާ ހިނިތުންވުމެއް ވެރިވެ ހުނުމަކަށް ބަދަލުވެގެން ދިޔައީ ބޭއިޚްތިޔާރުގަ އެވެ. އެ ބަލާލުމުންނާއި ވެރިވި ހިނިތުންވުން ދެ ހިތުގެ މިސްރާބު ބުނެދިން ފަދަ އެވެ.

އައިލީން ގެއްލިފައި ހުރި ފުން ވިސްނުމުގެ ސިލްސިލާ މެދުކެނޑުނީ ދޮރޯށި ހުޅުވުނު އަޑާއެކު އެވެ. ގޭތެރެއަށް ވަން އަރްކާންއާ ހަތަރުކަޅި ހަމަވެލި އެވެ. ކަމެއްވީތޯ އަހާލާފަދައިން އަރްކާން ނިތްއަރުވާލި އެވެ. ހަރަކާތެއްކުރާން ހަނދާންނެތިފައި ހުރި މީހަކުހެން އަރްކާނަށް ބަލަން އައިލީންއަށް ހުރެވުނީ އެވެ.

“ލަސްވީތަ؟.” އަރްކާން އަހާލި އެވެ. އެއާއެކު ދިރުން ލިބިގެންދިޔަ އައިލީން ބޯހޫރުވާލީ ނޫނެކޭ ބުނާށެވެ.

“ތީ ކޯއްޗެއް؟.” އެޕާޓްމެންޓަށް ވަދެފައި އަރްކާންގެ އަތުގައި އޮތް ދެ ކޮތަޅުން އެއްކޮތަޅު ބަދިގެ ކައުންޓަރު މަތީ ބެހެއްޓުމުން އައިލީން ސުވާލު އުފެދުނީ އެވެ.

“ތަޅައިގެން ދިޔައިމަ ބޭނުންވެދާނޭތީ ގެނެސްދިނީ. ބަލާލަބާ ރަނގަޅުތޯ.” އަރްކާން ބުންޏެވެ.

އައިލީން އައިސް އެއް އަތުން ކޮތަޅު ހުޅުވާލި އެވެ. އޭގައި އޮތީ ބުއްފުޅިއެކެވެ. ތަޅައިގެންދިޔަ ބްރޭންޑްގެ އެވަރުގެ ބުއްފުޅިއެކެވެ. އަރްކާނާ ދިމާއަށް އައިލީނަށް ބަލާލެވުނީ ބޭއިޚްތިޔާރުގަ އެވެ.

“ހައު… ހަ… ހައު ޑޫ ޔޫ ނޯ.” އައިލީންގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ތަޅައިގެންދިޔައީ އޭނާ ގެނައި ހަމައެކަނި ބުއްފުޅި އެވެ. އަމާރާއަށް ފުޅިން ދޭނަމަ އައުފުޅިއެއް ގަނެގެން ނޫނީ ނުދެވޭނެ އެވެ. އެވަރު އަރްކާން ނަގައިގަތީ ކިހިނަކުންބާއޭ އައިލީން ސުވާލު އުފެދުނެވެ. ހާމަކުރުމަކައިނުލާ އަރްކާނު ކަންކަން ދެނެގަތުމަކީ އޭނާއަށް ލިބިފައިވާ ހުނަރަކީބާ އެވެ. އަނެއްކޮޅުން ހަމަ އެ ބްރޭންޑްގެ ފުޅިއެއް ގަންނަން އެނގުނީ ކިހިނެއްބާއެވެ. އަރްކާނަށް އެ ފުޅި ކުރިއަކުން ނުފެންނާނެ އެވެ. ދެން އައިލީންގެ ޟަމީރު ބުނީ އެހެންވާހަކައެކެވެ. ތަޅައިގެން ގޮސްފައި ހުރި ބިއްލޫރިތަކުން އަރްކާން އެވަރު ދެނެގަތީ ކަމެވެ. އެވަރުގެ ސަމާލުކަމެއް އައިލީނަށް ދޭން އޭނާ އެއީ އަރްކާންގެ ކާކު ހެއްޔެވެ.

“ފީޑްކުރަން އުޅެނިކޮށްނު ޕީޗް އެ ނިދީ. ހޭލާއިރު ހުންނާނީ ވަރަށް ބަނޑުހައިވެފައެއްނު.” އަރްކާން އެޕާޓްމެންޓްގެ ދޮރުކައިރިއަށް ގޮސް ހުއްޓިލި އެވެ. އޭނާގެ އަތުގައި އޮތް ކޮތަޅުން ތަޅުނަގައި އެ މަސައްކަތަށް އެނބުރިލި އެވެ.

މަޑުމަޑުން އައިސް ސޯފާގައި އައިލީން އިށީނދެލައިގެން އިނެވެ. އެޕާޓްމެންޓްގެ ތަޅު ހަރުކުރުމުގައި ދޮރުކައިރީ އަރްކާން ހަރަކާތްތެރިވާ މަންޒަރަށް އޭނާގެ ނަޒަރު ހުރީ ހުއްޓިފަ އެވެ. އަރްކާންގެ ސަމާލުކަން ފެންނަނީ މަސައްކަތަށް ހުއްޓިފައިވާތަނެވެ. އެފަދަ މަސައްކަތްތަކަކީ އަރްކާން ކޮށްއުޅޭ މަސައްކަތް ފަދަ އެވެ. އޭނާއަށް އަރްކާނަށް ޝުކުރުވެރިވާނެ ގޮތެއް ނޭނގެ އެވެ. އެފަދަ ޒުވާނަކާ ކުރީން ބައްދަލުވެފައެއް ވެސް ނެތެވެ. ދުލުން ބުނާނޭ ބަހެއް ނެތީ ވެސް އެހެންވެ އެވެ. ހަމައެކަނި ޝުކުރިއްޔާގެ ބަހަކުން ނުފެދޭނޭ އައިލީންގެ ހިތްބުނާތީ އެވެ.

“ތިހެން ގޮވައިގެން އިންނަނީތަ؟. އައިލީނަށް ވެސް ރެސްޓްވާނެއެއްނު ޕީޗް ބާއްވާލީމަ.” އަރްކާން އަވަސް ނަޒަރެއް ދީފައި މަސައްކަތައް އެނބުރެމުން ބުންޏެވެ.

“މިހެން ގޮވައިގެން އުޅޭން އަހަރެންވަނީ އާދަވެފައި.” އައިލީނަށް ބުނެވުނެވެ.

އަރްކާން އިތުރަށް އެއްޗެއް ނުބުނެ އެވެ. ތަޅު ހަރުކުރުމަށްފަހު އެ ތަޅު ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލި އެވެ. އެއަށްފަހު އޭނާ އައިސް އައިލީން ކައިރީ ސޯފާގައި އިށީނެވެ.

“މިއަދު އޮފީހަށް ނުދަނީތަ؟. އަނެއްކާ އޮފީހެއްގަތަ އުޅެނީ.” އައިލީން އަހާލި އެވެ.

“މިއަދު އޮފް.” ފޮރުވުމެއްނެތި ވަގުތުން އަރްކާން ބުންޏެވެ.

އައިލީން އެދިގެން ނޫނަސް އަރްކާން އެ އެޕާޓްމެންޓުގައި މަޑުކޮށްލައިގެން އިނެވެ. އެއީ އޭނާ ގަސްދުގައި މަޑުކުރި މަޑުކުރުމެއްހެން  ހިޔެއްނުވެ އެވެ. އޭނާ އެއްފަހަރު ނިދިފައި އޮތް އަމާރާއަށް ބަލާލައިފިއްޔާ އަނެއްފަހަރު އައިލީނަށް ބަލާލަ އެވެ. ނޫނީ އެ އެޕާޓްމެންޓަށް ނަޒަރު ހިންގާލަ އެވެ.

“ދިސް އިޒް އެމްބްރެސިންގް… އައި ނޯ އިޓްސް އެމްޓީ.” އައިލީން އުނދަގޫ ގޮތަކަށް ބުނެލި އެވެ.

“ހިނގާ ކާން. މެންދުރުވެގެން ދިޔައީނު. އަހަރެން ބަނޑުހައި.” އުނދަގޫކުރާންފެށި ހިމޭންކަން ނައްތާލުމަށް އަރްކާން ބުންޏެވެ.

އަރްކާން ތެދުވެގެން އައިސް އައިސްއަލަމާރި ހުޅުވާލި އެވެ. އޭނާ އައިލީނަށް ގެނެސްދިން އެއްޗެހި ފިޔަވައި އެތަނުގައި އިތުރު އެއްޗަކަށް ހުރީ ނޫޑުލިސް ޕެކެޓެކެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްކާން ފޯނު ނެގި އެވެ. އައިލީން ގާތު ކާން ބޭނުންވަނީ ކޮންއެއްޗެއްތޯ ސުވާލުކޮށްލި އެވެ. ޖަވާބެއްދޭކަށް އޭނާއަށް ނޭނގުނެވެ. ނޫނީ ނުކެރުނީ އެވެ.

“ޕްލީޒް… ޕްލީޒް ސްޓޮޕް… ޔޫ ހޭވް ޑަން މޯ ދެން އިނަފް.” އަރްކާންގެ އިހްސާންތެރިކަން ބަލައިގަންނަން އުނދަގޫވާތީ އައިލީނަށް ބުނެވުނެވެ. އެ އަޑުގައި ހިސާބެއްގެ ހިތްދަތިކަންވި އެވެ.

( ނުނިމޭ )

Leave a Comment

Your email address will not be published. Required fields are marked *