LOABIVAANAMEY [EP.03]

އައިލީން ހީކުރީ ދެ އެޕާޓްމެންޓް ވަކިކޮށްފައި ހުރީ ހުދު ފާރަކުން ކަމަށެވެ. އެ ދެމެދުގައިވަނީ ފިލައިގެ ޕާޓިޝަން އެއްކަން އެނގުނީ އަދިކިރިޔާ އެވެ. ފާރެއްގައި ޖެހިޔަސް އެހާ ބާރަކަށް ނީވޭނޭކަން އައިލީނަށް ވެސް އެނގެ އެވެ.

——————————-

( 28 ސެޕްޓެމްބަރ 2026 އާ ގުޅޭ )

* * * * *

ޖެހިގެން ހުރި އެޕާޓްމެންޓުން ކުޑަކުއްޖާ ރޯތާ ބަރާބަރު ހަތަރުގަޑިއިރުވީ އެވެ. އެހާ ހިސާބުން ގެއިން ނުކުމެގެން ދާން އަރްކާންގެ ހިތަށް އެރި އެވެ. އެހެންވިޔަސް އޭނާ އަދިވެސް އޮތީ އެނދުގަ އެވެ. ފަންގިފިލާއަށް ނަޒަރު ހުއްޓާލައުގެންނެވެ. ޖެހިގެން ހުރި އެޕާޓްމެންޓުން އިވޭ އަޑުތައް އަހާށެވެ.

ރޯ އަޑެވެ. ކުޑަކުއްޖާ އެކަންޏެއްނޫނެވެ. އެއާއެކު ދެކޮޅަށް ހިނގާ އަޑެވެ. ރުއިމުގެ ތެރެއިން ކުޑަކުއްޖާ މަސަލަސް ކުރުމަށް އެ އަންހެން މީހާ މަޑުމަޑުން ނާނާ ކިޔާ އަޑެވެ. ދޭތެރެއަކުން ކެތްނުކުރެވިގެން ކަހަލަ ގޮތަކަށް ހުއްޓާލާ ހުއްޓާލުމެވެ. ދެން އަނެއްކާވެސް ކުޑަކުއްޖާއާ އެ އަންހެންމީހާ ކޮންމެވެސް ވާހަކައެއް ދައްކާލަ އެވެ. “އޫނ…އޫން…” ކިޔާލަ އެވެ.

އަރްކާންގެ ކަތުރުކަށިގަނޑަށް ވާންވެލި އެވެ. މޫނުގައި ދެ އަތްތިލަ ހިންގާލެވުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގަޑި ބަލާލި އެވެ. މިރޭ ދެން ނިދޭނެބާއޭ އަރްކާންގެ އަމިއްލަ ނަފްސާ ސުވާލުކޮށްލި އެވެ. ނިތްކުރިއާއި ނޭފަތާ ގުޅިފައިވާ ހިސާބުގައި ކަނާއަތުގެ ދެ އިނގިލިން އޭނާ ހިފަހައްޓާލި އެވެ. އޭނާގެ ބޮލުގައި ރިއްސަނީ އެވެ. ކުރިން ވެރިވެފައި އޮންނަ ހަމަހިމޭންކަން އަނބުރާ ލިބުމަށް އޭނާ އެދޭ ފަދަ އެވެ.

ކުއްލިއަކަށް ބާރުވެލި ކުޑަކުއްޖާގެ ރުއިމާއެކު އަރްކާން ވެސް ދިޔައީ ސިއްސައިގެންނެވެ. އެނދު ކައިރިން ބިތުގައި ޖެހުނީ ބޭއިޚްތިޔާރުގަ އެވެ. އެހިނދުން އެކަން ކުރެވުނީތީ އޭނާ “ޗަސް” ޖަހާލި އެވެ. އޭނާގެ އެ ޢަމަލުން ނަގައިގަނެވޭނީ ގޯސް މާނައެއްކަން އެނގޭތީ އެވެ. ވެފައި ހުރި އުނދަގޫ އިޙްސާސް ވެސް ވަގުތުން ފިލައިގެން ހިނގައްޖެ އެވެ. ފުންމައިގެން ކަހަލަ ގޮތަކަށް އަރްކާން އެނދުން ތެދުވި އެވެ.

އަޑުކަޑައިގެން ދިޔައީ ކިހިނެއްކަމެއް ނޭނގެ އެވެ. ކުއްލި ހިމޭންކަމެއް ވެރިވެއްޖެ އެވެ. އެކަމަށް އަރްކާންގެ ސަމާލުކަން ދެވުނީ ނުހަނު ބޮޑަށެވެ. އެއީ ހަމަޖެހުން ރަމްޒުކޮށްދޭ ފަދަ ހިމޭންކަމެއް ނޫނެވެ. އަރްކާނަށް އެވަރު ނަގައިގަންނަން ދައްޗެއް ނުވި އެވެ. އޭނާއަށް އެފަދަ ހިމޭންކަން ފެނިފައި ހުރީމަ އެވެ. އެފަދަ ހިމޭންކަމަކީ ބިރާއި ސިހުމާ ގުޅިފައިވާ ހިމޭންކަމެކެވެ. ކުއްލިއަކަށް މީހާގެ ހަރަކާތްތައް ހުއްޓުވާލާ ފަދަ ހިމޭންކަމެކެވެ. އަރްކާންގެ ނަޒަރު ދެ އެޕާޓްމެންޓް ވަކިކުރުމަށް ޖަހާފައިވާ ބިތަށް ހުއްޓިފައިވި އެވެ. ގަސްދަކާނުލާ ވިޔަސް ކުރެވުނު ކަންތަކުން އޭނާގެ ނަފްސަށް އުނދަގޫވެއްޖެ އެވެ. އިސްތަށިގަނޑުގެ ތެރޭ ދެތިން ފަހަރަށް ކާނާއަތްތިލަ ހިންގާލި އެވެ. ފުންނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. ދެފަރާތަށް ބޯ ހޫރާލި އެވެ. މަޑުމަޑުން ކޮޓަރިން ނުކުތެވެ. ބަދިގެ ކައިރިއަށް އައިސް ފެންތައްޓެއް ހިފައިގެން ކެބިނެޓުގައި ލެނގިލި އެވެ.

މި ގަޑިއަކީ އަރްކާން ނިދާފައި އޮންނަން ޖެހޭ ގަޑި އެވެ. އެހެން ރެއެއްނަމަ އޭނާއަށް މިހާރު އޮންނާނީ ނިދިފަ އެވެ. އެހެންނަމަވެސް މިރޭ ނިދިފިލާ ހިނގައްޖެ އެވެ. ފުން ވިސްނުމެއްގައި އަރްކާނަށް ހުރެވުނީ އެވެ. ޖެހިގެން ހުރި އެޕާޓްމެންޓަށް އައި އަންހެން މީހާއާ މެދު ވިސްނާށެވެ. އޭނާއަކީ އަރްކާނަށް ހިލޭ ބީރައްޓެއްސެކެވެ. އެހެންނަމަވެސް ސިކުނޑިއާއި ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ.

ރޭގައި އަރްކާނަށް އެ އަންހެން މީހާ ފެނުނީ ދޮރުފަތިގަނޑުގެ ހިމަ ދާއިރާއަކުންނެވެ. ނަމަވެސް އޭނާއަށް ކަންތައްތަކެއް ފާހަގަވި އެވެ. ކުޑަކުއްޖާ އުރާލައިގެން ހުރިއިރު އެ އަންހެން މީހާގެ ހަށިގަނޑުގެ އަނަރޫފަކަމެވެ. އޭނާ ގެނައި ސާމާނުގެ މަދުކަމެވެ. އަނެއްކޮޅުން ގުދުވެފައި ތެދުވިއިރު އޭނާގެ ކޮންމެވެސް ތަނެއްގައި ވޭން އަޅާފަދަ އިޝާރާތެއް ފެނުނުކަމެވެ. ހަރަކާތްތަކުގައިވަނީ އިންތިހާ ވަރުބަލިކަމެވެ. މޫނުގެ އެއްފަރާތް ކިރިޔާ ފެނިލީ ނަމަވެސް އުމުރުން އެހާ ދުވަސްނުވާކަން އަރްކާން ނަގައިގަތެވެ. އެ ކުޑަ ވަގުތުކޮޅުތެރޭ އެތައްކަމެއް އަރްކާނަށް ނަގައިގަނެވުނީ އޭނާއަށް އެފަދަ ކަންކަމާ ބެހޭ މަޢުލޫމާތާއި ތަމްރީނު ލިބިފައި ހުރީމަ އެވެ. އޭނާގެ ސުލޫކު ބައްޓަން ކުރެވިފައިވަނީ އެފަދަ ތަމްރީނުތަކުގެ ތަޖުރިބާގެ މައްޗަށެވެ. ރާއްޖޭން ބޭރުން ހެވިކަމާ ބެހޭ ތަފާތު ތަމްރީނުތައް އަރްކާން ހުރީ ފުރިހަމަކޮށްފަ އެވެ.

“ލީވް އިޓް… އަހަންނާ ބެހޭ ކަމެއްނޫން.” އަމިއްލަ ނަފްސަށް ވިސްނައިދޭން އަރްކާން ބުންޏެވެ. އަދި ހުރިހާ ޚިޔާލުތަކަކުން ރެކެން އޭނާ ގަސްދުކުރި އެވެ. ފެންތަށި ބޯލާފައި ކައުންޓަރު މަތީ ބިއްލޫރި ތަށި ބަހެއްޓި އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އަރްކާން ގޮސް ކޮޓަރިއަށް ވަނެވެ. ވެރިވި ހިމޭންކަމާއެކު ފިކުރުތަކަށް ފުރުޞަތު ނުދީ ނިދަން ގަސްދުކޮށްގެންނެވެ.

އޭގެ ވިހި މިނެޓް ފަހެވެ. ނިދަން ގަސްދުކުރި މީހާ ހުރީ ހެންވޭރު އޭޑިކޭ ހިސާބުގައި ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ ސުޕަރމާކެޓެއްގެ ތެރޭ އެވެ. ކައުންޓަރު ކައިރީ ފައިސާ ކަނޑާށެވެ. ކޭޝިއަރަކަށް އިން ފިރިހެންކުއްޖާ އަރްކާނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ބޭބީއެއް ލިބުނީތަ؟.” ފައިސާ ކަނޑަން އިން ކުއްޖާ އަހާލީ އާންމުކޮށް އެތަނުން ވިޔަފާރިކުރާ ކަސްޓަމަރަކަށް އަރްކާން ވީމަ އެވެ.

“ނޫން.” އަރްކާން ވަގުތުން ބުންޏެވެ. އެއާއެކު ކޮތަޅަށް އެއްޗެހި އަޅަމުން ދިޔަ ކުއްޖާއާއި ފައިސާކަނޑަން އިން ކުއްޖާއާ، ދެ މީހުން އެއްފަހަރާ އަރްކާނަށް ބަލާލި އެވެ. އެވީ ކިހިނެއްކަން އަރްކާނަށް ވެސް ނަގައިގަނެވުނެވެ. މިރޭ އޭނާ އެ ދަނީ އެހެންޏާ މީގެ ކުރީން ދުވަހަކުވެސް ގަނެފައިނުވާ އެއްޗެއް ގަނެގެންނެވެ.

ގެއަށް އައިސް ވަން އަރްކާން ހުއްޓިލީ އޭނާ ދިރިއުޅޭ ބަޔާއި ޖެހިގެން ހުރި އެޕާޓްމެންޓްގެ ދޮރުމަތީ އެވެ. ދޮރުގެ ތިރީން ތަޅުމާއި ދޭތެރޭގައިވާ ހިމަ ދާއިރާއިން އަލިކަން ފެންނަން ހުއްޓެވެ. އިރުކޮޅަކު ދޮރާ ދިމާއަށް ބަލަހައްޓައިގެން އަރްކާނަށް ހުރެވުނެވެ. އެހެން ހުރެފައި ކަނާއަތް ހިއްލާލާފައި ދޮރުގައި ޓަކި ޖަހާލި އެވެ. އެތެރެއިން ހިލަމެއް ނުވި އެވެ. ނަމަވެސް ދޮރާ ކައިރިވެލި ހިޔަނި އަރްކާނަށް ދޮރުދަށުން ފެނުނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހަން އުޅެފައި އޭނާ އަތް ތިރިކޮށްލީ އެވެ.

“ހޭއި…” އަރްކާން ބުނެލި އެވެ. ބުނާނޭ އެއްޗެއް ޔަގީންނުވެފައި ހުރެ އެވެ. ދޮރުކައިރިން ހިޔަނި ދުރަށް ނުދިއުމުން އެ ހުރީ އަޑު އަހަންކަން އަރްކާން ނިންމި އެވެ.

“ސޮރީ. އަހަރެން ރުޅިއައިސްގެންނެއްނޫން.” ފާރު-ބިތުގައި ޖެހުނީތީ އެކަންވީ ގޮތް އޮޅުންފިލުވައި ދިނުމުގެ ގަސްދުގައި އަރްކާން ބުނެލި އެވެ.

“އައި ޖަސްޓް… ހިތަށް އެރީ އެއްޗެއް ބޭނުންވެފައި ހުރެދާނޭ… މީ… ބޭބީއަށާ ތީނައަށް”

ގިނަ ވާހަކަތަކެއް ދައްކަން އަރްކާނަށް އުނދަގޫވި އެވެ. ޚާއްޞަކޮށް ބީރައްޓެއްސަކަށްވުމުގެ އިތުރުން އަންހެނަކަށްވީމަ އެވެ. އޭނާގެ އަވަށްޓެރިއަކަށްވީމަ އެވެ. ހަމައެއާއެކު އެ އަންހެންމީހާގެ ހާލަތު ކޮންމެވެސް ވަރަކަށް ދެނެގަންނަން އެނގޭތީ އެވެ. އެފަދަ މީހަކާ ވާހަކަދެއްކުމުން އާންމު މީހަކު ކަންކަން ނަގައިގަންނަ ގޮތާ ތަފާތުވާނޭތީ އެވެ.

ދޮރު ހުޅުވަން ނުކެރިފައިކަން ހުރީ އަރްކާން ނަގައިގަތެވެ. އެހެންވެ އަތުގައި އޮތް ކޮތަޅު ދޮރުކައިރީ ބަހައްޓާލީ އެވެ. އެއަށްފަހު އަރްކާން އައީ އޭނާގެ ބަޔަށް ވަންނާށެވެ. އޭނާ ގޭތެރެއަށް ވަދެ ދޮރު ލައްޕާލައި މިނެޓެއް ނުވެސް ނުވާނެ އެވެ. ޖެހިގެން ހުރި ބައިގެ ދޮރުގެ ތަޅު ހުޅުވި އަޑު އެކަމަށް ސަމާލުވެ ހުރި އަރްކާނަށް އިވުނެވެ.

* * * * *

ދޮރުކައިރީ ހުރި ހުދުކުލައިގެ ފޮތި ކޮތަޅު ގޭތެރެއަށް އައިލީން ވެއްދި އެވެ. ދެން އަވަސްއަވަހަށް ދޮރުތަޅުލައިފި އެވެ. އޭރު ނިދިފައި އޮތް އަމާރާގެ މަގަތުން ބާލީހެއް ޖައްސައި ސޯފާގައި ބާއްވާފައި އޮތެވެ. އައިލީން ކޮތަޅު ގެނެސް ބަދިގެ ކައުންޓަރު މަތީ ބަހައްޓާލި އެވެ. އޭގެ ތެރޭ ހުރި އެއްޗެހި އޭނާ ބަލަމުން ދިޔައިރު އޭނާގެ ދެ ލޯ ފެންކަޅިވަމުން ދިޔަ އެވެ. އޭގައި ހުރީ ދެ ވައްތަރެއްގެ ތުއްތު ކުދީންނަށް ދޭ ކިރުދަޅަކާއި، ބިހާއި، ފާނަކާއި، ޕީނަޓްބަޓާ ފުޅިއެއްގެ އިތުރުން މޭވާކޮޅެކެވެ. ހުރިހާ އެއްޗެއް ނަގައި ކައުންޓަރު މަތީ އަތުރާލީ އެވެ. އެހިނދު ކޮތަޅުގެ ފުލުގައި ފަތް ޖަހާލާފައި އޮތް ކަރުދާސްކޮޅެއް ފެނުނެވެ. އެ ނަގައި އައިލީން ބަލާލި އެވެ.

“ސޮރީ،

 ފާރެއްނޫންކަން ހަނދާންނެތުނީ…

 ނުކައި ހުރެދާނޭ ހީވާތީ ގެނެސްދިނީ.

ތީނައާއި ބޭބީއަށް ބޭނުންޖެހިދާނެ ހީކޮށް…

 އަރްކާން – ޖެހިގެން ހުރި އަވަށްޓެރިޔާ.”

ގަލަމަކުން އިނގިރޭސި ބަހުން ލިޔެފައި އޮތް ލިޔުންކޮޅު އައިލީން ކިޔާލި އެވެ. އޭނާގެ އަރުތެރެ ބެދޭގޮތްވި އެވެ. އޭނާއަށް ރޮވުނީ އެވެ. ފުރަތަމަ ފަހަރަށް ބިރުގެ އިޙްސާސެއްނުވާ ރުއިމަކުންނެވެ. އޭނާ ކައިގެންތޯ ހުރީ ނުކައިތޯ ހުންނަނީ ޒަހްރާނު ބަލާލީ ކޮންދުވަހެއްގައިކަމެއް ހަނދާނަކު ވެސް ނެތެވެ. އެއީ އެހާ ވެސް ދުރު ހަނދާނެކެވެ.

“އަރްކާން…” ހިތުގެ ތެރެއިން ނުކުތް އާހެއް ފަދައިން ކަރުދާސްކޮޅުގައި ލިޔެފައިވި ނަން އައިލީނަށް ކިޔާލެވުނެވެ. އަދި އެ މަޑު އާހާއެކު އޭނާގެ ދުލުން ޝުކުރުވެރިކަމުގެ ލަފުޒު ނުކުތެވެ. ކިތަންމެ ކުޑަކުޑަ އެހީތެރިކަމަކީ ވެސް މީހެއްގެ މަދަދަށް ބޭނުންވެފައި ހުންނަ މީހާއަށް ލިބޭނެ ނުހަނު ބޮޑު ހިތްވަރެކެވެ. އެންމެންނީ އެހީއަށް އެދި އަޑު އުފުލާނޭ ބައެއް ވެސް ނޫނެވެ. ހިމޭންކަމުގައި އައިލީން ފަދައިން އުޅޭނޭ އެތައް އަންހެނުންނެއް ތިބޭނެ އެވެ.

ރުއިމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން އައިލީންގެ ދެ ލޯ މަރާލުމަށް މަޖުބޫރުކުރުވި އެވެ. ނަމަވެސް ނިންޖަކަށްވާކަހަލަ ނިންޖެއް އޭނާއަކަށް ނުނިދެ އެވެ. ސިއްސައިގެން ގޮސް ހޭލެވުމާއެކު އައިލީނަށް ވަށައިގެން ހޯދާލެވެ އެވެ. ޒަހްރާނު އައިސްދާނޭ ހީވަނީ އެވެ. އަނެއްބައިފަހަރު ޒަހްރާންގެ އެޕާޓްމެންޓުން ނުކުމެވުނުކަން ޔަޤީން ނުކުރެވެނީ އެވެ.

* * * * *

ބެލް އަޅާވަރުން ނޯވެވިގެން ޒަހްރާނު ތެދުވި އެވެ. މޫނުމަތީގައި ވަނީ ނިދީގެ އަސަރެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލުމެއް ނެތި އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހަ ފޫޓަށްވުރެ ދިގުކޮށް ހެދިހުރި އިސްކޮޅެކެވެ. އޮޅަލިކުލައެއްގެ ހަންގަނޑެއް ލިބިފައިވާއިރު، ފުޅާ ދެކޮނޑާއި ތަނަވަސް މޭމަތި  އޮތީ ހާމައަށެވެ. އޭނާ ހުރީ ނިދަންލީ ސޯޓުބުރީގަ އެވެ. ކަންނެތް ހިނގުމެއްގައި އައިސް ޒަހްރާނު ދޮރުގެ ތަޅު ހުޅުވާލި އެވެ. ނިދި ހަލާކުވީތީ އެކަމާ އޭނާ ހުރީ ގަޔާނުވެފަ އެވެ.

ރަނގަޅަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ދޮރުފަތް ކޮށްޕާލައި އެތެރެއަށް އަންހެނަކު ވަދެގެން އައީ ހަރު ހިނގުމެއްގަ އެވެ. އޭނާ ފެނުމާއެކު ޒަހްރާނުގެ މޫނުގައިވީ ނިދީގެ އަސަރު ފިލައި ހިނގައްޖެ އެވެ. މީހަކު އަޖައިބުވާފަދަ ކިޔަމަންތެރިކަމެއް ޒަހްރާނުގެ ފުށުން ކުއްލިއަކަށް ފާޅުވި އެވެ.

“މަންމާ… ކޮންއިރަކު އައީ.” ހިސާބެއްގެ ހައިރާންކަމާއެކު ޒަހްރާނަށް ބުނެވުނެވެ.

ޒަހްރާނު ހިތުން ރާބިއާ ހުރީ ރިސޯޓުގަ އެވެ. އޭނާއަށް ވިސްނާނުލެވުނީ މަންމައާ ހަމައަށް ޚަބަރުތައް ދާނޭ ކަމެވެ. ޢާއިލާ ތެރޭގެ އެއްވެސް ކަމެއް ރާބިއާއަށް ސިއްރުވެފައި ނޯންނާނޭ ކަމެވެ. އެކަމަކު އެއީ ރާބިއާގެ ކުޅަދާނަކަމެއްނޫނެވެ. ނަމަވެސް އޭނާގެ އެންމެ ގާތުގައި ހުންނަ ހާރިޒްގެ ކުޅަދާނަކަމެވެ. ޒަހްރާނުގެ ނަޒަރުގައި ހާރިޒްއަކީ މަންމަ އޮޅުކޮށްގެން ގެންގުޅޭ ކުއްތާއެކެވެ. މަންމަގެ ކޮންމެ އަމުރަކަށް ހާރިޒް ކިޔަމަންވާތީ އެވެ. އެއްވެސް މީހަކަށް ރަހުމެއް ނުކުރިޔަސް ރާބިއަށް ޓަކައި ފުރާނަ ދޭހާ ވަފާތެރިވީމަ އެވެ.

ފަންސާހުގެ މެދަށް އަޅާފައި ހުރިއިރު ރާބިއާއަށް ބަލާލާފައި އޭނާގެ އުމުރު ދެނެގަތުން ދަތިވާނެ އެވެ. އޭނާ ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. ކަކުލާ ހަމައަށް ހުންނަ ކުރުތާއާއި މެދުމިނުގެ ފުޅާކަމެއް ހުންނަ ހަރުވާޅަކީ އޭނާގެ އާންމު ހެދުން އެޅުމުގެ ވަށްޓަފާޅި އެވެ. އަބަދުވެސް ކަރާއި ދެ އަތާއި އިނގިލިތަކުގައި ގަހަނާއެއް ނެތި ނުފެންނާނެ އެވެ. ޚާއްޞަކޮށް ރަނަށް އޭނާ ލޯބިކުރެ އެވެ. އެ އުމުރުގެ މީހުންނާ ނުބައްދަލު ބޯ ފަން އިސްތަށިގަނޑެއް ލިބިފައިވެ އެވެ. އުނަގަނޑުން މައްޗަށް ލޭޔާސްކޮށް ކޮށައި ހައިލައިޓް ކުރެވިފައި އޮތް އިސްތަށިގަނޑު މިވަގުތު ވެސް އޮތީ ހާމައަށް ދޫކޮށްލާފަ އެވެ.

ލޮލުގައިވީ އަގުބޮޑު އަވި އައިނު ނެގުމާއެކު އެޕާޓްމެންޓުގެ ތެރެއަށް ނަޒަރު ހިންގާލި އެވެ. ފަރުވާތެރި ބެލުމަކުންނެވެ. ދެން ރާބިއާގެ ނަޒަރު ޒަހްރާނަށް ހުއްޓާލި އެވެ. ވަގުތުން ދަތްކުނޑިވިކާލި އެވެ. މޫނުމަތީގައިވީ ނުރުހުމުގެ އަސަރެވެ. ކުއްލިއަކަށް ކަނާއަތް އުފުލާލި ގޮތަށް ފެނުނީ ޒަހްރާނުގެ މޫނުގައި ޖެހިތަނެވެ. އިސްކޮޅުގައި ފަރަގު ހުއްޓެއްކަމަކު ރާބިއާގެ ކުރިމަތީ ޒަހްރާނުގެ ހެދިހުރި ދިގު އިސްކޮޅަކީ ބޭކާރު އެއްޗެކެވެ. މަންމަގެ ކުރިމަތީ އޭނާއަށް ޗުއްޕު ވެސް ލައްވާލަން ނުކުރެ އެވެ.

“ކޮންއިރަކު އަހަރެން ކައިރީ ބުނަން ތިހުންނަނީ؟.” ރުޅިއާއި ހިތްހަމަނުޖެހުން އެކުލެވިފައިވީ ރާގެއްގައި ރާބިއާ ބުނެލި އެވެ.

“މަންމަ… ނެތީމަ… އައީމަ ބުނަން.” އިސް އޮބާލައިގެން ހުރެ ޒަހްރާނަށް ވާހަކަދެއްކުނީ ޖެހިލުންވުމަކާއެކު އެވެ.

“ކޮބާ މިހާރު އޭނަ. ކެމެރާތައް ބަލައިފިންތަ؟.” ރާބިއާ ސުވާލު ކުރި އެވެ.

“ނޭނގެ ވީތަނެއް… އަދި ނުބަލަން އެކައްޗެއް ވެސް… މަންމާ. ހަމަޖެހިބަލަ. އޭނާ އެނބުރި އަންނާނޭ. ކާކު އޭނާއަށް އަޅާލާނީ. ވަންނާނެ ތަނެއް ހުރީކީ ނޫން. މީ މާލެއޭ… އަމާރާ ބަލާނީ ކިހިނެއް؟. ފައިސާ ހޯދާނީ ކޮންތާކުން. އަހަރެންގެ ކާޑުތަކާއި ވޮލެޓުން ލާރިއެއްހާ ހިސާބު ވެސް މަދުވެފައެއްނެތް. އޭނާ ހުރި ވައްތަރުން ފިރިހެނަކު ވެސް މިހާރު ބަލާނުލާނެ.” ޒަހްރާނު ބެލީ ރާބިއާއަށް ޔަގީންކަން ދެވޭތޯ އެވެ. ޚުދު އޭނާ ވެސް ޤަބޫލުކުރަނީ އެހެންނެވެ. އައިލީން އެނބުރި އަންނާނެ ކަމެވެ. އިތުރު ގޮތެއްނެތިގެން ޒަހްރާންގެ ފައިބުޑަށް އައިސް އާދޭސްކުރާނޭ ކަމެވެ. އޭނާ އެ ހުންނަނީ އެވަގުތެއްގެ އިންތިޒާރުގަ އެވެ. އައިލީނަށް އޭނާގެ ޙައިޞިއްޔަތަކީ ކޮބާކަން ރަނގަޅަށް ބުނެލަދޭން ތައްޔާރުވެ އެވެ.

“ދެ ދުވަސްވީ… ދިޔަތަނެއް އޮންނާނެއެއްނު. އެހާ ހިތްވަރެއް އޭނާ ހޯދީ ކޮންތާކުން. ޒަހްރާނަށް އޭނާ ނުބެލެހެއްޓޭކަމެއްނު އެނގެނީ. އޭނާއަށް އެހީވާނެ މީހަކު ހުރީކަމަށް ވެސް ވެދާނެ. ފައިސާ ނުގެންދާނަމަ އަދިއަމުދުން އެކަމުން އެނގެނީ އޭނާ ކޮންމެވެސް ގޮތެއް ހޯދައިފިކަން. އެވަރު ޒަހްރާނުގެ ތި ސިކުނޑިއަށް ނަގައިނުގަނެވުނުތަ؟.” ރާބިއާގެ ރުޅި މަޑުވާގޮތެއް ނުވެ އެވެ.

“މަންމަ ތިހާ ކަންބޮޑުވަންޏާ ޕޮލިހަށް ގުޅަންވީނު. ޔަޤީނުން ވެސް އޭރުން ފެންނާނެއެއްނު.” ޒަހްރާނު ވެސް މިފަހަރު އެހާ ގަޔައެއްނުވި އެވެ. މަންމަގެ ރާގަށް ބަދަލެއް ނައީމަ އެވެ.

“ނޫން. އެހެން ހަދާނެކަމެއްނެތް. ތި އުޅެނީ މި ޢާއިލާއަށް ހުއްޓިފައި ހުރި ލޯތައް މަދުވެގެންތަ؟. ރެން ހަނދާންނެތުނީތަ ކުރިންވީ ކަންތައް؟. ކޮންމެ ކަމެއްގައި ކަންތައް ކުރަންވީގޮތް ކިޔައިދޭން މިޖެހެނީ… އަޑުއަހާ… މިހިސާބުގައި ހުރި ކެމެރާތަކުން ލިބެން ހުރި ފުޓޭޖްތަކެއްވިއްޔާ ނަގާފައި، އޭނާ ހޯދަން ބަޔަކާ ހަވާލުކުރޭ. އެވަރު ކުރެވޭނެތަ؟.” ރާބިއާ ބުންޏެވެ.

“ބުނަން ރެން… ގޯހެއް ނުހަދާތި.” އިންޒާރެއް ފަދައިން ރާބިއާ ކުރީން ދެއްކި ވާހަކައަށް އިތުރުކޮށްލި އެވެ. އޭނާގެ ރުންކުރުކަން ވެސް ކުޑަވެއްޖެ އެވެ.

“ކައިވާންއާ ހަވާލުކުރަންތަ؟. އެކަމަކު މިވަގުތު އޭނާ ހުރީ ސްވިޒަލޭންޑްގައި. މި ހަފްތާ ނިމޭހާ ތަނުގައި އަންނަ ވާހަކަދެއްކީ.” ޒަހްރާނު ބުނީ ނިކަން ވިސްނާފަ އެވެ. ރާބިއާއަށް ވެސް އެނގޭ އިތުބާރު ކުރެވޭ ބަޔަކާ މަސައްކަތް ހަވާލުކުރަން ޒަހްރާނު ގަސްދުކުރީ އެވެ. މަންމަގެ ހިތްހަމަޖައްސައިދޭށެވެ.

“އޭނާ ކޮންމެތާކު ހުއްޓަސް އެކަން ކުރެވިދާނެއެއްނު. ގުޅާ… މިއަދު ގުޅާފައި ވާހަކަދައްކާ. އޭނާ ކިޔާ އަގެއް އަހަރެން ކައިރީ ބުނާތި.” ރާބިއާ ބުންޏެވެ.

“ގުޅާނަމޭ މަންމާ. ކައިއާ ވާހަކަދައްކަން ޖެހޭނީ ވަރަށް ހަމަޖެހިގެން. މަންމައަށް ހުރިހާ ކަމެއް އަންގަމުން ދާނީ. އެންމެ ރަނގަޅެއްނު.” ބޮލަށް އުނދަގޫވެފައި ހުރެ އެކަން ފާޅުނުކޮށް ޒަހްރާނު ބުންޏެވެ.

ރާބިއާ ނުކުމެގެން ދިޔައީ ހަވީރު ގެއަށް އަންނަން ޒަހްރާނު ގާތު ބުނެފަ އެވެ. ޢާއިލާގެ މައި ގޭގައި އުޅެނީ ރާބިއާ އެކަންޏެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ދަރީންނެވެ. އެއީ ޒަރާރާއި ޒަހްރާނެވެ. އުމުރުން 35 އަހަރުގެ ޒަރާރު އުޅެނީ މިލީނާއާ އިނދެގެން ވަކިންނެވެ. ޒަހްރާނަށް ވީ 33 އަހަރެވެ. ރާބިއާ އެންމެ ލޯބިވަނީ ވެސް ހަގު ދަރިފުޅުދެކެ އެވެ. އޭނާ ދިރިއުޅުމެއް ފެށި ދުވަހު ހުޅުމާލެއިން ލަގްޒަރީ އެޕާޓްމެންޓެއް ހަދިޔާ ކުރީ ވެސް އެހެންވެ އެވެ. މިއަދު ރާބިއާގެ ފިރިއެއް ނެތަސް ދެ ފިރިހެން ދަރީންގެ ބައްޕަ ޒުހުރީ ނިޔާވިއިރު އޭނާގެ ހުރިހާ ތަނަވަސްކަމެއްގެ ޚިއްޞާދާރަކަށްވީ ރާބިއާ އެވެ. އެހެންވެ ހުރިހާ ބާރެއް ވެސް މިއަދު އޮތީ އޭނާގެ އަތުގަ އެވެ. ނެތްވަރުގެ މުއްސަންޖަކަށް ރާބިއާ ވެގެން އެ އުޅެނީ އެހެންވެ އެވެ.

* * * * *

ތަޅުންމަތީ އަޅާފައި އޮތް ރަޖާގަނޑުގައި އަމާރާ ބަންޑުން އޮތެވެ. އެކުއްޖާ ސަކަރާތް ޖަހަނީ އެވެ. އައިލީން ލޯތްބާއެކު ދަރިފުޅާ ވާހަކަދައްކަމުން ދިޔަ އެވެ. އޭނާގެ ޠަބީޢަތް ވެސް މިއަދު ތަންކޮޅެއް ރަނގަޅުހެން ހީވެ އެވެ. އޭނާއަށް ގޭގެ ދޮރޯށި ހުޅުވާ ލެއްޕި އަޑު އިވުނެވެ. އެއާއެކު ފުންމައިގެން ތެދުވެއްޖެ އެވެ.

“އެ އިވުނީ އޭނަ އައި އަޑު… ހިނގާ އަވަހަށް ތެންކިޔު ބުނަން ދޯ.” ދަރިފުޅާ އައިލީން ވާހަކަދެއްކި އެވެ.

( ނުނިމޭ )

Leave a Comment

Your email address will not be published. Required fields are marked *