COFFEE THASHI

ގާތަށް ހަގުދަރިފުޅު ލައިގެން އެނދުގައި އޮތް ލަމްޔާގެ ލޮލުން ނިދިވަނީ ފިލާފަ އެވެ. ނަމަވެސް އެދެލޮލާ ކަރުނަޔާ ވަތްކެއްނުވެ އެވެ. ފުރިބަންޑުންވެދާނެހެން ހީވުމުން އިރުއިރުކޮޅާ ދެލޯ ފޮހެލައެވެ. މިއަދު ލަމްޔާއަށް ވަނީ ގޮތް ހުސްވެފައެވެ. ލޯބިން ކުރި ކައިވެންޏަށް ލޯބި ލޯބި ދެކުދިން ލިބުނު ފަހުން ކުންޏެއް ޖެހުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ނުކުރާކަމެއްގެ ބަދުނާމު ބޮލުގައި އެޅި ދެފަރާތުގެ ޢާއިލާގެ ކުރިމަތީ ލަމްޔާގެ އަގުވަނީ ވެއްޓިފަ އެވެ. ޒަމާންވީ ބައިވެރިޔާ ލަމްޔާގެ ބަހަށް އިތުބާރު ނުކުރީތީ އެހިތަށްވަނީ ބަޔާންކުރަން ދަތި ފުންއަސަރެއްކޮށްފައެވެ. ދެމަފިރިންގެ ދެމެދުގައި އޮތް އިތުބާރު ގެއްލުނީތީ ދިފާއުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ.

ހަތަރު އަހަރަށްދާ ފިރިހެން ދަރިފުޅާ ދޮޅުއަހަރުގެ އަންހެން ދަރިފުޅަކީ ލަމްޔާގެ ފުރާނައެވެ. އެފުރާނައަށް ދިރުންދިނީ ސްކޫލު ދުވަސްވަރުން ފެށިގެން ކައިވެންޏާ ހަމައަށް ދެމިގެން އައި ފާއިލްގެ ލޯތްބެވެ. ކައިވެންޏަށްފަހު ފާއިލުގެ ގޭގެ ހަތަރުވަނަ ފަންގިފިލާ ވަނީ އެދެމިފިރިންގެ ދިރިއުޅުން ބިނާކުރަމުން އައި ގަނޑުވަރަށް ހަދާފަ އެވެ. ލަމްޔާއަކީ ގްރެފިކް އާޓިސްޓެކެވެ. އޭނާގެ އެޝައުގުވެރިކަމަށް ފާއިލު ހުރަހެއް ނާޅައެވެ. ފާއިލަކީ ޢާއިލާގެ ކޮންސްޓްރަކްޝަން ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭ ފަރާތެވެ. ފުރަތަމަ ދަރިފުޅު އުފަންވުމާއެކު ފާއިލު ނުބުނިކަމުގައި ވިޔަސް ލަމްޔާގެ ގިނަވަގުތު ދަރިފުޅަށް ދެމުންދިޔައެވެ. އެކުޑަކުޑަ އުފާވެރި ޢާއިލާއަށް ދެކުދިން ލިބުމުން ލަމްޔާ ބޭނުންވީ ދެން އިތުރު ކުއްޖަކު ނުހޯދުމަށެވެ. އެކަމަށް ފާއިލު ވެސް ތާއީދުކުރި އެވެ. ދެކުދިންވީމާ ލަމްޔާއަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ގިނަވި އެވެ. އެހެންނަމަވެސް އޭނާގެ ދުވަހީ ތަވާލު ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ރާވާލައިގެން ކަމަށްވާތީ އެއްވެސް ކަމަކަށް ހުރައެއް ނޭޅެ އެވެ. ސްޓޫޑިއޯއަށް ދަނީ ހަވީރު ފާއިލު ގެއަށް އައުމުން ރޭގަނޑު ކުދިންނަށް ކާންދީފައެވެ. މަސައްކަތެއް ނުނިމިއްޖެނަމަ ބައެއްފަހަރު ގޭގައި އެކަމެއް ކޮށްލަނީއެވެ. ލަމްޔާގެ މިއުޅުމާމެދު ފާއިލު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާއަށް އަނބިމީހާގެ ފަރާތުން އުނިވާ އެއްވެސް ކަމެއްނެތެވެ.

ބޮޑު މުސާރައަކަށް “ޖޭޒް” ސްޓޫޑިއޯއިން ފުރުޞަތު ލިބުމުން އެތަނަށް ބަދަލުވާން ލަމްޔާ ނިންމީ ފިރިމީހާގެ ޚިޔާލާ ވެސް އެކުއެވެ. ފާއިލުގެ ނަޒަރުގައި ލަމްޔާ ފަދަ ހުނަރުވެރިއަކަށް މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ދޭން ބުނާ ބަޔަކާ ގުޅުމަކީ ލަމްޔާއަށް ވެސް ލިބޭނޭ ކުރިއެރުމެކެވެ. އޭނާ ވެސް ލަމްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވެން އޮތް ގޮތަކުން މަސައްކަތްކޮށްދެ އެވެ.

ފުރަތަމަ ސްޓޫޑިއޯއަށް ނުކުތްދުވަހު ވެސް އެތަނުގެ ސްޓާފުން ވަރަށް ރަނގަޅެވެ.  ފެނުނީ ވަރަށް ވެސް އެކުވެރި މާޙައުލެކެވެ. ޖޯޝާއެކު މަސައްކަތްކުރާ ޒުވާން ޓީމެކެވެ. ނަމަވެސް ތަފާތު ގްރެފިކްސްތަކާ އެނިމޭޝަންތައް ހެދުމުގައި އަންހެން ކުއްޖަކަށް ހަރަކާތްތެރިވަނީ ލަމްޔާ އެކަންޏެވެ. އެކަން ފާއިލަށް އެނގެއެވެ. އޭނާ އެއްވެސް އިރަކު ލަމްޔާ އޭނާދެކެވާ ލޯތްބަށް ޝައްކެއް ނުކުރެއެވެ. ވަހުމް އުފެދޭނޭ ސަބަބެއް ވެސް ނެތީއެވެ. ނަމަވެސް ލަމްޔާގެ އުފާވެރި ދިރިއުޅުމަށް ފުރަތަމަ ފަހަރަށް ކަޅު ހިޔަންޏެއް އެޅުނީ “ޖޭޒް” ސްޓޫޑިއޯގައި މަސައްކަތް ކުރަން ފެށުމާއެކު އެވެ.

މެދުމިނުގެ އިސްކޮޅަކާއެކު ހަމުގެ ކުލައަލި ރީތި ހަށިގަނޑެއް ލިބިފައިވާ ލަމްޔާއަކީ ދެކުދިން ވިހާފައި ހުރި އަންހެނެކޭ، އޭނާއަށް ބަލާލާފައި އެކަކު ވެސް ނުބުނާނެއެވެ. ފެންނަ ފެނުމަށް ހީވަނީ ފުރާވަރުންވީއްލަން ތައްޔާރުވެފައި އިން އަންހެން ކުއްޖެއްހެންނެވެ. އުޅޭ އުޅުމުގައި ވެސް ލަމްޔާގެ ހުންނަނީ ސަކަ މިޒާޖެކެވެ. މީހުންނާ އެކުވެރިކަން އުފެއްދުމާ އެކުގައި މަސައްކަތްކުރުމަކީ އޭނާއަށް ނުހަނު ފަސޭހަކަމެކެވެ. ދެރައީ އޭނާގެ އެކުވެރިކަމާ ހިތްތިރިކަމުން ބަޔަކު ފައިދާ ނަގާފާނެކަން ނުވިސްނުނީމައެވެ. އެކުގައި މަސައްކަތްކުރަނީ ޒުވާން ފިރިހެނުންކަމާ އެމީހުންގެ ނިޔަތް ގޯސްވެދާނެކަން އެއްފަހަރު ވެސް ހިތަށް ނޭރީތީއެވެ.

ލަމްޔާ އައު ސްޓޫޑިއޯގައި މަސައްކަތްކުރަން ފެށިތާ އެއްއަހަރުފަހެވެ. ތަނުގައި އުޅޭ އެންމެންނަކީ ވެސް ލަމްޔާގެ ރަޙުމަތްތެރިންނެވެ. ވެރިންގެ ރުހުން ލަމްޔާގެ މަސައްކަތަށް ލިބެއެވެ. އޭނާގެ ބުރަ ޝެޑިއުލްގައި ޢާއިލާއަށް އޮންނަ ވަގުތު އެގޮތުގައި ބޭއްވުމަށް ތަނުގެ ވެރިންވެސް ލަމްޔާއަށް އެއްބާރުލުން ދެއެވެ. ދަރިންގެ އުފަންދުވަހަކީ ލަމްޔާއާއެކު މަސައްކަތްކުރާ ހުރިހާ އެންމެންކަހަލަ ގޮތަކަށް އެގެއަށް ޖަމާވާ ދުވަހެކެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އެމީހުން ވަރަށް ރަނގަޅެވެ. އެހެންވެ ދޭތެރެ ދޭތެރެއިން ލަމްޔާގެ އެހެން ރަޙުމަތްތެރިންނެކޭ އެއްފަދައިން އެކުގައި މަސައްކަތްކުރާ ކުދިން ގެއަށް އައިސް ހެދިނަމަވެސް ފާއިލަށް އެކަން ބޮޑުކަމަކަށް ނުވެއެވެ. ގިނައީ ފާއިލާ ވެސް ރައްޓެހި މީހުންނެވެ. އެމީހުން އަންނަނީ ވެސް ގިނައިން ފާއިލު އުޅޭ ގަޑިތަކުގައެވެ. އެނޫނަސް ފާއިލަކީ ލަމްޔާގެ ރަޙުމަތްތެރިންގެ ލިސްޓުގައި ހިމެނެނީ ކޮންކޮންބައެއްތޯ ބަލާމީހެއް ނޫނެވެ. ދެމީހުންގެ ވެސް ގާތް މީހުންތިބޭނެތާ އެވެ. އެކަމަކު އެރަޙުމަތްތެރިންނަކީ ދެމީހުންގެ ރަޙުމަތްތެރިންނަށްވުން ލާޒިމު ކަމެއްކަމަށް ފާއިލު ނުދެކެއެވެ.

އާއްމުކޮށް ސްޓޫޑިއޯގެ މަސައްކަތްތައް ނިންމާލެވޭއިރު ހުންނަނީ ރޭގަނޑު އެކެއްޖަހާފައެވެ. ނަމަވެސް ކޮންމެ އަންގާރަ ދުވަހެއްގެ ރެޔަކީ ގްރެފިކްސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ސްޓާފުން މަޖާކޮށްލުމަށް ކޮފީއަކަށް އަރާ ރެއެވެ. ލަމްޔާއަކީ ކޮފީ ބުއިމަށް ލޯބިކުރާ މީހަކަސް ދަންވަގުތެއްގައި އޮފީހުގެ މުވައްޒަފުންނާއެކު މަޖާކުރުމަށް ދާނެ މީހެއް ނޫނެވެ. އެރޭވެސް އޭނާ އަވަސް އަރުވާލާފައި ނުކުތީ ގެއަށް ދާށެވެ. އޭރު ފާއިލުގެ ކާރު ސްޓޫޑިއޯގެ ކުރިމަތީ ކަހަލަ ގޮތަކަށް މަޑުކޮށްލާފައި އޮތެވެ.

“ހޫދު، އަހަރެން ހިތަށް އަރާ ލަމްގެ ހަޒްބަންޑަކީ ހާދަ ލަކީ މީހެކޭ، އެހާ ރީތި އަނތްބަކު ކިހިނެއް މިހާރު ހޯދަނީ” ލަމްޔާ ނުކުމެގެން ދިޔަތަން ބަލަންއިނދެފައި ޝުހާދު ބުންޏެވެ.

“އޭތް! ލަމްއާ ނުބެހޭ، އޭނާއަކީ ކަލޭމެން ގުރޫޕަށްވައްދާވަރަށްވުރެ މާރަނގަޅު ކުއްޖެއް” މޭޒުމަތީ އޮތް ތެރަސްފުޅިއެއް ޝުހާދާ ދިމާލަށް އެއްލުމާއެކު ނަދީމު ބުންޏެވެ.

“ކިހާ ރީތި، ކަލޭމެންގެ ގުރޫޕޭ ބުނާއިރު ހީވަނީ މީނާ ބައިވެރިނުވާހެން” ޝުހާދު ވަގުތުން ރައްދު ދިނެވެ.

“އަސްލު ޝުހާދުގެ ވާހަކައާ އަހަރެން ވެސް އެއްބަސް، ލަމްގެ އެހުންނަގޮތް އަހަންނަށް ވެސް ވަރަށް ކަމުދޭ، ނަދީމު، އަންހެނެއް ރީތިވެއްޖެއްޔާ ކާޅުވެސްވާނެ، ރަނގަޅު އަންހެންކުއްޖެއްނަމަ އަހަރުމެންނާއެކު މިތަނުގައި މަސައްކަތްކުރަން އެއްބަސްވީސްތަ، ދެންއަނެއްކާ ވިސްނާލަބަލަ، އަހަރުމެން ކުރާ ސަމާސާތަކާ ދައްކާ ވާހަކަތަކުގައި ލަމް ބައިވެރިނުވެއެއްނުދާނެ، އެހެޔޮ ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް، ކުރިން ދުވަހު އަހަރުމެން ދެއްކީ ފިރިހެން ގުނަވަނުގެ ވަރުޖެހޭ ވާހަކަ، އެކަމުގައި ވެސް އޭނާ ބައިވެރިވި” ހޫދުގެ ޚިޔާލު ފާޅުކުރިއިރު އެގުރޫފައި ދެންތިބި ހަތަރު މެންބަރުން ތިބީ އޭނާގެ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާށެވެ.

ލަމްޔާއާއެކު މަސައްކަތްކުރާ ޖުމްލަ ފަސް ފިރިހެނުން ތިބޭއިރު އެމީހުންގެ އަމާޒު ފަތްގަނޑަކަށް ލަމްޔާވީ ނޭނގި ހުއްޓައެވެ. ފަހަރެއްގައި ވެސް އޭނާގެ ނިޔަތަކީ ފިރިހެނުންތަކަކާއެކު މަސައްކަތްކުރާއިރު އެމީހުންނާ މައްލަވަކުރުމެއްނޫނެވެ. ނަމަވެސް އެކުވެރި މާހައުލެއްގައި އެކަކު އަނެކަކުގެ މައްޗަށް ހަސަދަނޫފެދޭނޭ ގޮތަކަށް ފެންވަރު ރަނގަޅު މޮޅު އުފެއްދުންތަކެއް ހެދުމެވެ. އެގުރޫޕުގެ މުގުލުގައި ވެރިން އައްޔަންކޮށްފައި ވެސް ހުރީ ލަމްޔާކަމަށްވީމައެވެ.

ފަސްއެކުވެރިން އެމީހުން އާއްމުކޮށްދާ ކެފޭގެ މޭޒުކައިރީ ހަމަޖެހިލުމާއެކު ކޮފީއަށް އޯޑަރު ދިނެވެ. އެމީހުންގެ ހަޤީޤީ މަޢުލޫ ފެށުނީ ދެނެވެ. އެރެއަކީ އެއިންކޮންމެ މީހެއްގެ ބޮލަށް ރަނގަޅަށް ޝައިތާނާ ސަވާރުވެފައި ހުރި ރެއެކެވެ. ދައްކަމުންދިޔައީ އެކުގައި މަސައްކަތްކުރާ މުވައްޒަފަކާ ގުޅުވައިގެން ދައްކަންނުވާވަރުގެ ވާހަކަތަކެވެ. ލަމްޔާގެ ހަށިގަނޑުގެ ވަނާތަކާ، އޭނާގެ ރީތިކަމާ އަދި ލަމްޔާ ލިބުނު ފިރިހެނަކު އޭނާއަށް ކުރާނީ ކޮންކޮންކަމެއްކަން ވެސް އެގުރޫޕުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވެމުންދިޔައެވެ. ހީވަމީ ފަސްމީހުންގެ ހާޒިރުގައި މޭޒުމަތީ ލަމްޔާ ބަހައްޓައިގެން އޭނާގެ އެކިއަންނައުނު ވަކިވަކިން ބާލުވަމުންދިޔަހެނެވެ.

“ބެޓްކުރަންވީނު، ކޮންމެ މީހަކު އެއްހާސް ރުފިޔާ ލާނީ، އޭރުން ޖުމްލަ ފަސްހާސް ރުފިޔާ އޮންނާނެ، މިކަން ކާމިޔާބުވާ މީހަކަށް އެ ފަސްހާސް ރުފިޔާ އެއްކޮށް، އެގޮތް ކިހިނެއްވާނީ” އެމީހުންގެ ތެރެއިން އެންމެ ވިސްނުން ތޫނުކަމަކަށް އެންމެންވެސް ޤަބޫލުކުރާ ހޫދު، އޭނާގެ ޚިޔާލު ކޮފީމޭޒަށް އޮއްސާލިއެވެ. އެންމެންއެއަށް އިންސާފުކުރުމަށެވެ.

“ތީތި ސަޅިއޭ، އަހަރެން އެއްބަސް” ނިކަން އަވަހަށް އިޤުބާލު އިނދެފައި ބުންޏެވެ.

“އަހަރެން ވެސް އެއްބަސް” އެމީހުންގެ ތެރެއިން އެންމެ އިސްކޮޅުން ކުޑަކޮށް ހުންނަ ހަމްދޫނު ވެސް އެއްބަސްވެއްޖެއެވެ.

“އަހަރެންގެ ވޯޓުވެސް ހިމަނާލާ، އެކަމަކު ބުނަން، ޕްރޫފް ބޭނުންވާނެ، ޤަބޫލުކުރެވޭވަރުގެ ހެއްކެއްނެތި ފައިސާއެއް ނުދެވޭނެ، ނޫންތަ؟ ކީކޭ ބުނަނީ؟” ކަންކަމާ އެންމެ ގިނައިން ދެކޮޅު ހަދާ ނަދީމު ބުނެލިއެވެ. އެކަމާ އެންމެން ވެސް އެއްބަސްވިއެވެ.

“މިދުވަސްކޮޅު މޫސުން ވެސް ވަރަށް ސަޅި، ތަންކޮޅެއް ފަސޭހައިން މިކަންތައްކޮށްލެވޭނެ ހެން ހީވަނީ” ދެއަތްތިލަ ހާކާލި ޝުހާދު މިހެން ބުނެ ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. އެހުނުންގަނޑުގައި ދެންތިބި މީހުން ވެސް ބައިވެރިވިއެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް އެންމެން ނުކުތެވެ. ހިތާ ސިކުނޑީގައި އިންސާނުން ފޮރުވާކަންކަން އަނެކާއަށް އެނގުމަކީ ނާދިރުކަމެކެވެ. އެގޮތުން ލަމްޔާއަށް ވެސް ގާތުގައި އުޅޭ އެކުވެރިން ރާވަމުންދިޔައީ ކޮންކަމެއްކަން ރެއަކާނުލައެވެ. ނަމަވެސް ތަފާތުކަމެއް ފާހަގަކުރެވުނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކިކުލަކުލައިގެ ފިނިފެންމާ ލިބުމާ، ގެއަށް ތަފާތު ޕާރުސަލްތައް އަންނަން ފެށުމުންނެވެ. މުޅިން ވެސް ލިބެނީ އަންހެން ކުއްޖަކު ހިތްއުފާވާނޭ ފަދަ ހަދިޔާތަކެވެ.

“އަހަންނަށް ހީވަނީ އެންމެނާއެކު ގުރޫޕް މީޓިންއެއް ބާއްވަންވީހެން، ވެރިޔާ އެޕްރައިސަލް ފޯމުތައް އަހަންނާ ހަވާލުކުރިކަން އެނގިގެން ކަންނޭނގެ މިހާ ހަދިޔާ މިލިބެނީ، އެކަމަކު އަހަންނަކީ ބްރައިބް ހިފާއުޅޭ މީހެއްނޫން، ސޯ ޕްލީޒް، ސްޓޮޕް އިޓް އިނގޭ” ބެކްސްޓޭޖް ފިލައެއްގެ މަސައްކަތް އެންމެން އެކުގައި ކުރަމުން ދިޔަ ވަގުތެއްގައި ލަމްޔާ ބުނެލިއެވެ. ބޭނުމަކަށްވީ އެންމެނަށް އެއްފަހަރާ އޭނާއަކީ ރިޝްވަތު ހިފާނޭ މީހެއްނޫންކަން އެންގުމެވެ. އެހެންވީމާ އެމީހުން އޭނާއަށް ފޮނުވާ ހަދިޔާތައް ފޮނުވުން ހުއްޓާލުމެވެ.

“ގައީޒް، މަސްދުވަސް ވެގެން ދިޔައީ، ވީކަމެއް ހަރާން، ބުނަން، މީ ވާނެކަމެއް ނޫން، ދަންވަރު ގުޅާލިޔަސް ފޯނެއްނުނަގާ، ފާޑަކަށް މެސެޖުކުރަނީ މިވަގުތު ބިޒީއޯ މުހިއްމުކަމެއްނަމަ މެސެޖުކޮށްލާށޯ ކިޔާފައި، އަގުބޮޑު ހަދިޔާތަކެއް ދިނުމަކީ އަތުން ލާރިތަކެއް ބޭކާރުކުރުން، އަހަންނެއް ދެން ނޫޅެން މިކަމަކާ، ކަލޭމެން ކުރެ އެކަކަށް ވެސް އެކަން ވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ” ޝުހާދު ފޫހިކަމާއެކު ޗޮކެއް ކަނޑާލަމުން ބުންޏެވެ.

“އަހަންނެއް ތިކަމަކާ ނުވެސް އުޅެން، މާކުރިންވެސް އެނގޭ ތިކަހަލަ ގޮތެއްކަން ވާނީ، އަހަރެން ބުނީމެންނު ލަމްއަކީ އެކަހަލަ ކުއްޖެއްނޫނޭ” ނަދީމު އިނދެފައި އެންމެ ފުރަތަމަ ދުވަހު އޭނާގެ އެކުވެރިންނާ ދިމާލަށް ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ.

“އަހަރެން އަދި މިހިރީނު، ކަލޭމެން ފައިސާ ތައްޔާރުކޮށްގެން ތިބޭ، އަހަރެން ހެކި ގެންނާން” އިޤުބާލު އިނދެފައި ގަދަބަސް ބުނެލިއެވެ.

“އެނގިދާނެތާ، އަހަރުމެންގެ ތެރެއިން އެކަކަށް ވެސް ނުވިކަމެއް ކަލޭކޮށްފިއްޔާ އަހަރެން ހުވާ ކަލެއަށް އިތުރު އެއްހާސް ރުފިޔާ ދޭނަން، އޭރުން ހަހާސް ރުފިޔާ އޮންނާނެ، އެކަމަކު ކުރިއަށް މިއޮތް ހަފްތާތެރޭ ނުވެއްޖެއްޔާ ބަލާނީ ކަލެއަށް ވެސް ނުވީކަމުގައި، އޭރުން އަނެއްކާ ވެސް މިޤޭމް އެހެން ކޮޅަކަށް ޗޭންޖުވާނެ” ހޫދު އިނދެފައި ބުންޏެވެ. އެންމެންގެ އަޑުގަދަވެގެން ދިޔައެވެ. ހޫދުގެ ބަހަށް އެންމެން ވެސް ތާއީދުކުރިއެވެ. އިޤުބާލު ވިސްނާލާފައި އެކަމާ އެއްބަސްވިއެވެ.

“މީ ރަނގަޅު ދުވަސްކޮޅެއް، ލަމް އަވަހަށް ގެއަށް ދަނީވެސް ފާއިލު ރަށުގައި ނެތީމަ ކުދިން ގާތު ގިނައިރު މަޑުކުރަން ޖެހޭތީވެ” ޚިޔާލަކަށް ގެއްލިފައި އިނދެފައި އިޤުބާލު ބުންޏެވެ.

ހަވީރު އޮއްސާލި ވާރޭ ހުއްޓައެއް ނުލިއެވެ. އެހެންވެ ކުދިން ފާއިލުގެ ޢާއިލާ މީހުންނާ ހަވާލުކޮށްފައި ސްޓޫޑިއޯއަށް ދާން ލަމްޔާ ބޭނުންނުވީއެވެ. ނުވައެއް ޖަހަންވާއިރަށް ދެކުދިންނަށް ކާންދީ ފެންވަރުވާފައި އެނދަށް އެރުވިއެވެ. އަދި ހަގުދަރިފުޅު ނިދަންދެން އެކޮޓަރީގައި ލަމްޔާ މަޑުކޮށްލައިގެން އޮތެވެ. ކުދިން ނިދުމަށް ޚާއްޞަކުރެވިފައި ހުރި އެކޮޓަރީގައި ދެދަރިން ދެފަރާތުގައި ހުރި އެނދުގައި ނިދަން ތިބިއިރު ލަމްޔާއަށް ވެސް ނިދިޖެހޭގޮތް ވިއެވެ. މެރެމުން ދިޔަ އޭނާގެ ދެލޯ ހުޅުވާލަން މަޖުބޫރުވީ ބާލީސް ކައިރީ ބާއްވާލާފައި އޮތް އޭނާގެ ފޯނުގެ ސްކްރީން ދިއްލޭތަން ފެނުމުންނެވެ. އަވަސްއަވަހަށް ފޯނު ހިފައިގެން ލަމްޔާ ކުދިންގެ ކޮޓަރިން ނުކުތެވެ. އޭނާއަށް ގުޅަނީ ފާއިލެވެ.

“ވަރަށް ވިއްސާރަ، މިއަދު އޮފީހަށް ވެސް ނުދަން، ކައިރާ ނިންދަވަން އޮއްވަ އަހަންނަށް ވެސް ނިދެމުންދަނިކޮށް ތިގުޅީ، ކޮންއިރަކުންތަ މިކޮޅަށް އަންނާނީ، އަދިވެސް ދުވަހެއް ހަމައެއްނުޖެހޭތަ” ލޯބިވާ ފިރިމީހާއާ ދުރުގައި އެކަނިހުންނަންވީމާ ލަމްޔާއަށް ޝަކުވާކޮށްލެވުނެވެ. އޭގެ ޖަވާބަކަށް ފާއިލުގެ ފަރާތުން އެތަކެއް ލޯބިވެތި ބަސްތައް އިވިގެންދިޔައެވެ. ފޯނުގައި ހުރެ ކޮޓަރިއަށް އައިސް އެނދުގައި ލަމްޔާ ހަށިގަނޑު ދަމާލިއެވެ. ފިރިމީހާގެ ފޯނުކޯލަށްފަހު އަރާމު ނިންޖަކުން ނިދާލަން އޭނާ ބޭނުންވީއެވެ. ނަމަވެސް ފާއިލުގެ ފޯނުކޯލު ނުނިމިގެން އުޅެނިކޮށް ސްޓޫޑިއޯގައި އުޅޭ އިޤުބާލުގެ ކޯލެއް އަންނަންފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލާފައި ވެސް ލަމްޔާ އެކޯލަށް ސަމާލުކަމެއް ނުދިނެވެ.

ފާއިލުގެ ކޯލު ނިންމާލާފައި ނިދާ ހެދުން ލައިގެން އައިސް ލަމްޔާއަށް އެނދުގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް އަނެއްކާ ވެސް އިޤުބާލު ގުޅަންފެށިއެވެ. މިފަހަރު ލަމްޔާ ކޯލު ބިޒީކޮށްލިއެވެ. މުހިންމު ނަމަ އޭނާއަށް މެސެޖުކުރުމަށް ބުނެ މެސެޖެއް ފޮނުވާލަމުންނެވެ. އެމެސެޖު ފޮނުވާލުމާއެކު އިޤުބާލުގެ ފަރާތުން ޖަވާބެއް އައެވެ.

“އަހަރެން މިހިރީ ތިގޭ ދޮރުމަތީގައި، މިހިސާބަށް އައިތަނާ ވާރޭ ބޯކޮށްލައިގެން ނުދެވިފައި، އަހަރެން ވަންނަންތަ” އިޤުބާލުގެ މެސެޖު ކިޔާލުމާއެކު ލަމްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“އޯކޭ” ލަމްޔާ މިހެން ލިޔެ މެސެޖެއް ފޮނުވާލުމާއެކު އެއްޗެހި ބަދަލުކުރަން އުޅުނެވެ. އޭރު ގަޑިން ކިރިޔާ ދިހައެއްޖެހީއެވެ. އެހެންވެ އެގަޑީގައި ރަޙުމަތްތެރިއަކަށް އެހީތެރިވުމަކީ މައްސަލައެއްކަމުގައި ލަމްޔާ ނުދެކުނެވެ. ޓީޝާޓު ކޮޅަކާ ހަރުވާޅެއް ލައިގެން ނުކުމެ އިޤްބާލަށް އެޕާޓްމެންޓުގެ ދޮރު ހުޅުވާލަދިނެވެ.

“މިހިސާބުގައި ކީއްތަ ތިކުރަނީ، ގާލްފްރެންޑް ގާތަށް ގޮސްފައިދޯ ތިދަނީ” ކުޑަކޮށް ހީނލާފައި ލަމްޔާ ބުނެލިއެވެ. ކޮންމެވެސް ވަރަކަށް ތެމިފައި ހުރި އިޤުބާލު ހީނލާފައި ނިކަން ފަސޭހައިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ކީއްތިކުރަނީ؟ ކުދިން ނިދީތަ؟ އަހަރެން ލަމްއަށް ހާދަވަރަކަށް ގުޅީމޭ” ފުރަގަސްދެމުން ސިޓިން ރޫމުގެ ތެރެއަށް ހިނގައިގަތް ލަމްޔާއަށް ތަފާތު ނަޒަރަކުން ބަލާލި އިޤުބާލު ބުނެލިއެވެ.

“އާނ! ކުދިން ނިދައިފި، އަހަރެން ވެސް އޮތީ ނިދަން” ލަމްޔާ މިހެންބުނެ ހިނގައިގަތީ ބޭރުން އަންނަ މެހެމާނުން ވަނުމަށް ޚާއްޞަކޮށްފައި ހުރި ފާޚާނާއަށެވެ. އަދި ތުވާއްޔެއް ހިފައިގެން ނުކުމެ އިޤުބާލަށް ދިއްކޮށްލިއެވެ. ސޯފާގައި އިށީނުމުގެ ކުރިން އިޤުބާލު ގައިން ފެންހިއްކާލިއެވެ.

“ހާދަ ފިންޏޭދޯ، ބޭރުވެސް އެހާފިނި، މިގޭތެރެވެސް އެހާފިނި، ލަމް، އަހަރެން ދެން މިހެން ބައިންދާނީތަ، ކޮފީގަނޑެއްހާ ހިސާބުވެސް އަހަންނަށް ނުދޭނަންތަ، ފިނިވެގެން ގޮސް މީހާ ހަލާކުވާއިރު ވެސް” އެކިއެކި ވާހަކަދައްކަމުން ގޮސް އިޤުބާލު ކުޑަކޮށް ހީނލާފައި ބުންޏެވެ.

“އޯ! ސޮރީ، ވަރަށް ފިނި ދޯ، އަންނާނަން ކޮފީތަށްޓެއް ހިފައިގެން، މާދަމާ އޮފީހަށް ގޮސް އެންމެނަށް ފަޅާއަރުވާލާނަން އިޤުބާލު ބިޓު ކައިރިއަށް ވަދެފައި އަންނަނިކޮށް އަހަންނަށް ބަސްޓުވީކަން” ދިމާކޮށްލުމުގެ ގޮތުން ލަމްޔާ ހީނލާފައި ބަދިގެ ފަރާތަށް ދިޔައެވެ. ކެތްތެރިކަން ކުޑަގޮތަކަށް ދެފައި ތަޅުވާލަ ތަޅުވާލާ އިން އިޤުބާލުގެ ލޯކުރިމަތިން ލަމްޔާ ގެއްލުމާއެކު އޭނާ ފުންމައިގެން ތެދުވީ އެކަހަލަ ފުރުޞަތަކަށް ބޭނުންވެފައި އިން މީހަކު ފަދައިންނެވެ. އަވަސް އަރުވާލާފައި ޖީބުގައި އޮތް ފޯނު ނަގައިގެން އޭނަ ދެކޮޅު ހޯދާލުމާއެކު އެންމެ ކައިރިން ފެންނަން ހުރި ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވާލިއެވެ. ނަމަވެސް އެކޮޓަރީގައި ނިދާފައި ތިބި ދެކުދިން ފެނި އަވަސް އަވަހަށް ދޮރުލައްޕާލިއެވެ. ދެންވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެކޮޓަރީގައި ހުރި ބޮޑުއެނދާ، އަލަމަރިއާއި ކަބަޑުތައް ފެނި އެއީ ލަމްޔާމެންގެ ދެމަފިރިން ނިދާކޮޓަރިކަން ވަގުތުން އިޤުބާލަށް ޔަޤީންވިއެވެ. ބަލަން ނުހުރެ ކޮޓަރިތެރެއަށް ދެމިގަތީ ހަލުވިކަމާއެކުއެވެ.

ކޮޓަރީގައި ހުރި ބޮޑުއެނދުގައި ލަމްޔާ ނިދަން އޮތްކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އިޤުބާލު ފޯނުގެ ކެމެރާ ސެޓުކޮށްލުމާއެކު ފޮޓޮއެއްނެގިއެވެ. އަދި އައިގޮތަށް އައިސް އަލަމާރި ހުޅުވާލިއެވެ. އެކި ބައިތައް ހާވަން ފެށިއެވެ. އޭގެން އޭނާ ބޭނުންވާ ކަހަލަ އެއްޗެއް ނުފެނުނެވެ. އެތަނުގައި ހުރި ދިގު ކަބަޑާ ދިމާލަށް އެނބުރުނު ވަގުތު ހަރުގަނޑުގައި އަޅުވާފައި އޮތް ނައިޓީ އިޤޫބާލުގެ ލޮލުގައި އަޅައިގަތެވެ. މަޑުފިޔާތޮށިކުލައިގެ އެނައިޓީ ނަގާ އެނދުކައިރިއަށް ވައްޓާލުމާއެކު އޭގެ ފޮޓޮއެއް ވެސް އިޤުބާލު ނެގިއެވެ. ބައިބަޔަށް ހުރި ކަބަޑުގެ ދޮރުފަތްތައް ހުޅުވާލުމާއެކު އިޤުބާލަށް ހީވީ އަގުބޮޑު ޚަޒާނާއެއް ފެނުނު ހެންނެވެ. އެވަތްގަނޑުތަކުން ބައެއްގައި ހުރީ ލަމްޔާގެ އެތެރޭންލާ އަންނައުނެވެ. އެގޮތް މިގޮތަށް ފޮޓޯ ނެގުމާއެކު ވައްކަން ކުރަން ވަދެއުޅުނު ވަގެއްހެން ބޭނުންފުދުނީމާ އެކޮޓަރިން އިޤުބާލު ނުކުތީ ލަމްޔާއަށް ޝައްކުވާނޭ ފަދަ އެއްވެސް ނިޝާނެއް ކޮޓަރިއަށް ދޫނުކޮށެވެ. އަދި ބަދިގެ ފަރާތަށް ދިޔައީ ލަމްޔާ ހޯދުމަށެވެ.

“ސޮރީ ތަންކޮޅެއް ގިނައިރުވާތީ، ކޮފީ މެޝިނަށް ކޮންމެވެސް ގޮތެއްވެފައި މިހިރީ، ކޮފީބީންސް އެބަހުރި އެކަމަކު ކޮފީއެއް ނުފައިބާ، އެހެންވެ އަތުން ކޮފީތަށި ގިރަން މިޖެހުނީ” ލަމްޔާއަށް އެތަނަށް އިޤުބާލު އައިކަން އެނގި އޭނާއަށް ބަލާލަމުން މޫނަށް ގޮތެއް ހަދާލާފައި ބުނެލިއެވެ.

“އިޓްސް އޯކޭ، ލަމްޔާގެ އަތުން ގިރާލާ ކޮފީވެސް މެޝިނަށް ދޫނުކުރާނެކަން އެނގޭ” ސަމާސާ ރާގެއްގައި އިޤުބާލު މިހެން ބުނުމުން ލަމްޔާ ވެސް ހީނގަތެވެ. އަދި ކޮފީތަށި ގިރާ ނިންމާލުމާއެކު ތަށީގައި އޮތް ސަމްސާ ނަގާ ސިންކަށް ލުމަށް ދިޔަވަގުތު އިޤުބާލު އޭނާގެ ފޯނު ލަމްޔާގެ ބުޑުމަސްގަނޑާ ދިމާލަށް އަމާޒުކޮށްލާފައި އެއްމިޔަކަނުން ހިނިއައިސްފައި އިނދެ ފޮޓޯއެއް ނެގިއެވެ.

“ކިހިނެއްވީ ހާދަ ގޮތަކަށް ހިނިއައިސްފައި ތިއިނީ” އިޤުބާލަށް ފޮޓޯނެގުނުތަނާހެން ލަމްޔާ އެނބުރިލިއެވެ. އެއާއެކު އަވަސް އަވަހަށް އިޤުބާލު ފޯނުގެ ސްކްރީނު ނިވާލަމުން ޖީބަށް ލިއެވެ.

“ކަމެއްނުވޭ، މެސެޖެއް ކިޔާލީ، އެންމެން އެބައުޅޭ ވައިބަރ ގުރޫޕުތެރޭ، އެނގެއެންނު އެމީހުންގެ ގޮތް، ރަނގަޅު ވާހަކައެއް ނުދައްކާނެ، ހިނިއައީ އެހެންވެ” މަތިއޮމާންކޮށްލުމުގެ ގޮތުން އިޤުބާލު ބުނެލިއެވެ. ބަދިގޭގައި ހުރި މޭޒު ދޮށުގައި ކޮފީތަށި ގެނެސް ލަމްޔާ ބެހެއްޓިއެވެ. އެއާއެކު މޭޒުގެ ދެފަރާތުގައި ލަމްޔާ އާއި އިޤުބާލު އިށީނެވެ. އިޤުބާލު ކޮފީތަށި ފޮޓޯނަގާ ކަމަށް ހަދާލާފައި ލަމްޔާގެ ހަށިގަނޑު ބައެއް އަރާގޮތަށް ފޮޓޮއެއް ނެގިއެވެ. ސަމާސާ ވާހަކަތައް ދައްކަމުން އިޤުބާލު އެފޮޓޯ ލަމްޔާއަށް ވެސް ދައްކާލިއެވެ. އެފޮޓޮއިން ލަމްޔާގެ މޫނު ފެންނަން ނެތުމުން އެކަމާ އެހާވަރަކުން ލަމްޔާ އަޅައެއްނުލި އެވެ.

“އިންސްޓަރކޮށްލަން މިއުޅެނީ، އެންމެން ފޯރި ހުންނާނެ އަހަރެން މިގަޑީގައި ލަމްގެ އަތުން ކޮފީ ބޯކަން އެނގުނީމަ” އިޤުބާލުގެ ވާހަކަތައް ހުރީ ރަޙުމަތްތެރިއެއްގެ ފަރާތުން އިވޭނޭހާ އޮމާންކަމާ ސަކަ ރާގެއްގަ އެވެ. އެވާހަކަތަކުން ލަމްޔާއަށް އިންޒާރުތަކެއްގެ ކޮޅުމައްޗެއް ނުފެނެއެވެ.

ވާހަކައިގައި ދެއެކުވެރިން ތިއްބައި އެގާރަ ވެސް ޖަހައިފިއެވެ. ބާރަޖަހަން ތައްޔާރުވަނީއެވެ. އެހާ ގިނައިރު އިޤުބާލު ވާހަކައިގައި އެގެއިން ދާން ނޫޅެ އިންނަން ފެށުމުން ލަމްޔާއަށް އުނދަގޫވިއެވެ. އެކަމަކު ސީދާ ދިއުމަށް ބުނާކަށް ނުކެރުނެވެ. ކޮފީތަށި ވެސް ހުސްވެއްޖެއެވެ. އެހެންވެ އިޤުބާލު ގޮވައިގެން ލަމްޔާ ސިޓިން ރޫމަށް ނުކުތެވެ. ސޯފާގައި އިޤުބާލު ހަމަޖެހިލުމުން ލަމްޔާ ބެލްކަނީގެ ބޮކި ދިއްލާލިއެވެ. އަދި އެއްފަރާތްކޮށްލި ފަރުދާތަކުގެތެރެއިން ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު ކަހާލިއެވެ. ފަޒާގައި ހަރުލާފައި ހުރި ތެތްފިނިކަމާއެކު އެތެރެއަށް ވަދެގެން ދިޔަ ވައިރޯޅިން ލަމްޔާގެ ލޯލިތަކަށް ވެސް އެނގުން ވެގެންދިޔައެވެ. އުޑުމައްޗަށް ބަލާލުމާއެކު އޭނާ އެނބުރި އިޤުބާލަށް ބަލާލިއެވެ.

“މިހާރު ވާރޭ ވަރަށް ތުނިކޮށްލައިފި، އަހަންނަށް ހީވަނީ އިޤުބާލު މިހާރު ދިޔައްޔާ ކަންނޭނގެ ގެއާ ހަމައަށް ފޯރާނީ، މަވެސް ވަރަށް ނިދިއަތުވެއްޖެ، ކުދިން ހޭލައިފިއްޔާ މިހެން ނުވެސް އިނދެވޭނެ” ލަމްޔާ ބަހަނާއެއް ދައްކަމުން ބުނެލިއެވެ.

“އާން! ދޯ” ސޯފާއިން ތެދުވި އިޤުބާލު ބެލްކަނިން ބޭރު ބަލާލާފައި ބުންޏެވެ. އިތުރަށް އޭނާ މަޑުކުރާކަށް ނުހެދިއެވެ. ބާއްޖަވެރި ރެއަކަށް އެދިފައި އޭނާ ލަމްޔާގެ އެޕާޓްމެންޓުން ނުކުތީ ހީލަތްތެރި ހިނިތުންވުމަކާއެކުއެވެ.

ޖެހިގެން އައިދުވަހު އޮފީހަށް ލަމްޔާ ދިޔުމުން އެކުގައި މަސައްކަތްކުރާ ސްޓާފުންގެ ބެލުންތައް ތަފާތުވެފައި އެމީހުންގެ ތެރޭ ހިމޭންކަމެއް ވެރިވެފައި އޮތްކަން ފާހަގަކުރެވުނެވެ. އެކަމާ ލަމްޔާ ސުވާލުކޮށް، ޖޯކުޖަހާ ހެދިއެވެ. އަދި ސަމާސާ ކުރަމުން އިޤުބާލުގެ ވާހަކަ ވަރަށް ނޫންގޮތަކަށް ބުނެލިއެވެ. ނަމަވެސް އެމީހުން އެމީހުންނާ ބަދަލުކޮށްލީ ލަމްޔާއަށް ދޭހަކުރަން އުނދަގޫ ހިނިތުންވުމެކެވެ.

“ރޭގަ ހާދަ ވަރުގަދަ ކޮފީއެކޭ ދޯ ބަޔަކު މީހުން ބޮއެގެން މިއުޅެނީ” އަނގަގަދަ ޝުހާދު ވަށްބަހުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ތިމީހުން ވެސް ކޮފީ ބޯން އައިނަމަ ދިނީމުހޭ” ލަމްޔާއަށް ޝުހާދު ބުނިއެއްޗެއްގައި ފޮރުވިފައި އޮތީ ކީކޭކަން ނޭނގިހުރެ ބުނެލިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.

“ސީރިއަސްކޮށް ހަމަ އެންމެނަށް ވެސް ދޭނަންތަ؟” ހޫދު ވެސް ވާހަކަދެއްކީ ދެމާނަ އެކުލެވޭ ގޮތަށެވެ. މިވަނީ ކިހިނެއްކަން ނޭނގެނީ ހަމައެކަނި ލަމްޔާއަށެވެ.

މެންދުރު ފޯނު ބަލާލިއިރު ރޭގައި އިޤުބާލު ނެގި ކޮފީތަށީގެ ފޮޓޯ އިންސްޓަރ ގުރާމުން ފެންނަން އޮތެވެ. އޭގައި ލަމްޔާގެ ނަންވެސް ހިމަނާފައި އޮތެވެ. އެހާވަރަކުން އެންމެން ކަންތައްބޮޑުކޮށްލައިގެން އުޅެނީ އެހެންވެ ކަމުގައި ލަމްޔާ ދެކުނެވެ. ދެން ވެސް އޭނާ އަޅައެއްނުލައެވެ.

ފާއިލު ގެއަށް އައުމާއެކު ލަމްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ފާއިލު ރާއްޖެތެރޭގައި ހުރެފައި މާލެ އައިތާ މަހެއްވެސް ނުވަނީސް އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ލަމްޔާއަށް ފާހަގަކުރެވުނެވެ. އެދެމެދުގައި އޮންނަ ގާތްކަން ދުރުވަމުން އަންނަ ކަމުގެ އިހުސާސް ކުރެވުނެވެ.

“ފާއިލު، މިހާރު ހާދަ ފާޑަކަށް ތިހުންނަނީ، އަހަންނަށް ކަމެއް ގޯސްކޮށް ކުރެވެނީތަ؟ އެކަމަކު އަހަރެން ކުރިންވެސް ކަންތައްކުރާގޮތަށް ހުރިހާ ކަމެއް ކުރަމުން މިއަންނަނީ، ކީއްވެތަ މިހާރު އަހަންނާ ވާހަކަދެއްކުން މަދުކޮށްލައިގެން ތިއުޅެނީ، ރޭގަނޑު ނިދާއިރު ވެސް މިހާރު އޮންނަނީ އަހަންނާ ވަރަށް ދުރުގައި” ނިދަން އޮވެ ލަމްޔާއަށް ފުރަގަސްދީގެން އޮތް ފާއިލުގެ ކޮނޑުގައި ކޮށްޓާލަމުން ލަމްޔާ ބުންޏެވެ. ނަމަވެސް ފާއިލު އަނގައިން ނުބުންޏެވެ. ކުޑަކޮށް ބޯހިއްލާލާފައި ފާއިލަށް ބަލާލަމުން، އޭނާ ނިދާފައި އޮތްކަމަށް ނިންމާ ލަމްޔާ ވެސް ނިދުމަށް ދެލޯ މަރާލިއެވެ.

“ލަމްޔާ، އަހަންނަށް ފެންނަނީ ލަމްޔާ މަސައްކަތްކުރުން ހުއްޓާލަން، ތިމަސައްކަތް ތިހާ ކުރާހިތްވަންޏާ ގޭގައި އިނދެގެން ކުރާގޮތަށް ހަމަޖައްސާ” ހެނދުނު އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ ފާއިލަށް ކޮފީތަށި ހިފައިގެން އައިސް ލަމްޔާ ދިއްކޮށްލުމުން ބުންޏެވެ. ހައިރާންވެފައި ބުނާނެ އެއްޗެއް ނޭނގިފައި ލަމްޔާ ހުއްޓެވެ. ފާއިލަށް ވަނީ ކިހިނެއްކަން ނޭނގިފައެވެ.

“ޕްލީޒް ފާއިލު، ތިހެން ކަންތައްނުކޮށްބަލަ، ވީގޮތެއް ބުނެވިދާނެ އެންނު” އެރޭ ނިދަންވަދެފައި އަނެއްކާ ވެސް ލަމްޔާއަށް ޝަކުވާކުރެވުނެވެ.

“ވީގޮތެއް ހަމަ ލަމްޔާއަށް ނޭނގޭތަ، ވިޔާނުދާހާ ގޮތްގޮތަށް އުޅެވޭއިރު ވެސް ލަމްޔާއަށް ނޭނގޭ ދޯ، ތީދެން ބޮޑުވަރު، ފަޅާއަރާނީ އެއްފަހަރު، އެހެންވެޔޭ ބުނަނީ ވަގަށް ހާސްދުވަސް ވެރިއަކަށް އެއްދުވަހޭ” އެނދުންތެދުވެ އިށީން ފާއިލު ރުޅިކޮންޓްރޯލު ނުވެގެން ހަޅޭލަވައިގަތެވެ. ސިއްސައިގެން ދިޔަ ލަމްޔާއަށް ވެސް ފަހަތަށް ޖެހިލެވުމާއެކު ތެދުވެ އިށީނދެވުނެވެ.

“ވިޔާނުދާ ގޮތްގޮތަށޭ، އަހަރެން ކޮންގޮތަކަށް އުޅުނީ، ފާއިލު ކީކޭތަ ބުނަންތިއުޅެނީ” ހައިރާންވެ އަންތަރީސްވެފައި އިން ލަމްޔާ ލަސްލަހުން ބަސްތައް އަމުނާލިއެވެ.

“މިއޮތީ ވީގޮތަކީ، ބަލާބަލަ… މީ ލަމްޔާގެ އެއްޗިއްސެއް ނޫންތަ، މީ މިކޮޓަރިތެރެއެއްނޫންތަ؟ އައި ޓްރަސްޓު ޔޫ ލަމް، ތިގޮތަށް ކަންތައްކުރާނެއެކޭ އަހަރެން ދުވަހަކު ވެސް ހިތަކަށް ނާރާ” ލަމްޔާއާ ދިމާލަށް ފާއިލުގެ ފޯނު އެއްލުމާއެކު ބުންޏެވެ. އަވަސްއަވަހަށް އެފޯނު ނަގާ ލަމްޔާ ބަލާލިއެވެ. ފާއިލު ބުނީ ތެދެކެވެ. ފޮޓޯތައް ނަގާފައި ހުރީ އެކޮޓަރީގައެވެ. މައްސަލައަކީ އޭގައި ހުރި ބައެއްފޮޓޯތަކުގައި އެހެންމީހުންނަށް ފެންނަން ނުވާނޭ ލަމްޔާގެ ބައެއް އެއްޗެހީގެ ފޮޓޯ ހުރީމައެވެ.

“ކިހިނެއް؟ ކިހިނެއް ފާއިލަށް މިފޮޓޯތައް ލިބުނީ” ހައިރާންކަން އިތުރުވެފައި އިނދެ ލަމްޔާ އަހާލިއެވެ. އެސުވާލަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ލަމްޔާގެ ލޮލުގައި ފޮޓޯއެއް އަޅައިގަތެވެ. އެއީ އިޤުބާލު އެގެއަށް އައި ރޭ އޭނަ ލާފައި ހުރި ނައިޓީގެ ފޮޓޯއެވެ. އޭގެ އިތުރުން އޭނާގެ އުނަގަނޑުން ތިރީގެ ފޮޓޯގައި އެރޭ އޭނާ ލާފައި ހުރި ޓީޝާޓުކޮޅާ ހަރުވާޅު ފެނުމުންނެވެ. ވަގުތުން އެއީ ކާކުކުރިކަމެއްކަން ލަމްޔާއަށް އެނގުނެވެ. އެހެންނަމަވެސް އެހެންކަންތައްކުރީ ކީއްވެބާއޭ ލަމްޔާގެ ހިތަށްއެރިއެވެ.

“އަހަންނަށް މިފޮޓޯތައް ފޮނުވި މީހާ މުހިންމެއްނޫން، އަހަންނަށް މުހިންމީ އަހަރެންނޫން މީހަކު ލަމްޔާއާއެކު މިހިސާބަށް ދާންޖެހުނު ސަބަބެއް، އަހަރެން ލަމްޔާ ބޭނުންވާވަރަށް ލޯތްބެއް ނުދެންތަ، ލަމްޔާ ހިތްހަމަޖައްސާ ނުދެވެނީތަ، އުފަލާ އަރާމުގައެއް ނޫންތަ މިގެންގުޅެނީ، ލަމްޔާ ބޭނުންވަރަކަށް މިނިވަންކަން ދީގެން ދޯ މިއުޅެނީ، ދެންކީއްވެ މިކަހަލަ ކަމެއް ތިކުރީ” ފާއިލުގެ ކޮންމެ ބަހެއް ލަމްޔާއަށް ހީވީ ޒަހަރުތިކިތަކެއް ހެންނެވެ.

“އަހަރެން ފާއިލު ތިހީކުރާފަދަ ގޮތަކަށް ނޫޅެން، ތިފޮޓޯތައް ނެގީ ކާކުކަން އަހަންނަށް އެނގޭ، އެކަމަކު ތިކަމުގައި އަހަރެންގެ އެއްވެސް އަތެއްނެތް، އަހަރުމެން ދެމީހުންގެ މެދުގައި ހަމަނުޖެހުން އުފައްދަން އެމީހަކު ކުރިކަމެއްތީ، ޕްލީޒް ފާއިލު، އަހަންނަށް އިތުބާރުކުރޭ، ދަރިންގެ ހައްޤުގައި މިބުނަނީ، އަހެރެން ދުވަހަކުވެސް އެފަދަ މުޑުދާރު ޢަމަލެއް ނުހިންގާނަން، އެފަދަ ކަމެއް ކުރަން ހިތަށް ވެސް ނާރާ، ކައިވެންޏަށް މިހާ ދުވަސްވީއިރު އަހަރެން މިއަދު ކީއްކުރަން އެފަދަ ކަމެއް ކުރަންވީ” ލަމްޔާއަށް ވަގުތުން ރޮވިއްޖެއެވެ. އެކަމަކު ފާއިލަށް ލަމްޔާގެ ބަސް ޤަބޫލުކުރަން ދަތިވިއެވެ.

ހެނދުނު ހެނދުނާ ލަމްޔާ އިޤުބާލަށް ގުޅިއެވެ. ނަމަވެސް އޭނާ ފޯނެއް ނުނެގިއެވެ. ވަޒީފާއިން ވަކިވުމަށް އެދި ލިޔުނު ސިޓީ ހިފައިގެން ލަމްޔާ ސްޓޫޑިއޯއަށް ދިޔައީ އިޤުބާލާ ކުރިމަތިލާށެވެ. ވެރިޔާގެ އޮފީހަށް ވަދެ ސިޓީ ހަވާލު ކުރުމާއެކު އޭނާ ސުވާލުކުރީ ލަމްޔާ އެތަނުން ވަކިވާންވީ ސަބަބަކާމެދުއެވެ.

“ޢާއިލާއަށް ވަގުތުދޭން، ކުދިން ވެސް ބޮޑެތިވަނީ، އެމީހުންނާއެކު ގިނަވަގުތު ހޭދަކުރަން ބޭނުންވާތީ” ހުރިހާ އިޙުސާސްތަކެއް ފޮރުވާލަމުން ލަމްޔާ ލުއި ހިނިތުންވުމެއް ވެރިޔާއާ ބަދަލުކޮށްލިއެވެ.

“އެންމެރަނގަޅު، އެކަމަކު އަދިވެސް ވިސްނާލާތި، ޚިޔާލު ބަދަލުވެއްޖެއްޔާ އަހަންނާ ގުޅާލާ، މިޕޯސްޓު ލަމްއަށް ދޭނަން” ވެރިޔާގެ ފަރާތުން އިވުނީ ހިތްހަމަޖެހޭފަދަ ބަސްތަކެއް ނަމަވެސް މިއަދު ލަމްޔާއެކަމާ އުފަލެއްނުވެއެވެ. އޭނާ ވެރިޔާގެ ކެބިންއިން ނުކުމެ މަސައްކަތްކުރާ ސްޓޫޑިއޯއާ ދިމާލަށް ދިޔައެވެ.

“ކޮބާ އިޤުބާލު” އެންމެ ފުރަތަމަ ފެނުނު ހަމްދޫނުގެ ގާތުން ލަމްޔާ އެހިއެވެ.

“އެފަރާތުގައި އެބައުޅޭހެން ހީވަނީ” ހަމްދޫނު މިހެންބުނެ ބަލާލިގޮތުން ލަމްޔާއަށް އުނދަގޫވިއެވެ. އޭނައަށް ވެސް އިޤުބާލުކުރި ކަންތައް އެނގޭހެން ލަމްޔާއަށް ހީވިއެވެ. ފޫހިކަމާއެކު މޫނު ހަދާލަމުން އޭނާ އޮފީހާދިމާލަށް ދިޔައެވެ. އެތަނަށް އައިސްވަނުމާއެކު އެންމެން ހުއްޓުން އަރާފައި ލަމްޔާއަށް ބަލަންތިއްބެވެ.

“ސޯ ލަމް، ކޮފީ ބޯން ދާންވީތަ؟” ހެމުން ހެމުން ޝުހާދު އަހާލިއެވެ. އެއާއެކު ލަމްޔާގެ މޫނުމަތިން ފާޅުވެގެން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“އިޤުބާލު ކޮބާ؟ އަހަންނަކީ ކަލޭމެން ހީކުރާކަހަލަ މީހެއްނޫން، އިޤުބާލު އެފަތުރަނީ ހުސް ދޮގުވާހަކަ، އެހެންނޫންނަމަ އެފޮޓޯތަކުގައި ހުރީހީ އަހަރުމެން ދެމީހުން އެކީގައެންނު، ކަލޭމެން އެހާވެސް ގަމާރީ ދޯ، ކުރެވުނު މޮޅުކަންތަކާ ހެދިތަ އޭނާއަށް އަހަރެންގެ ކުރިމައްޗަށް އަރަން ނުކެރިގެން އެއުޅެނީ، އަހަންނަށް އެނގޭ އިޤުބާލު މިތާ އެބަހުރިކަން، އަހަރެން ދުވަހަކުވެސް އޭނާއަށް މާފެއް ނުކުރާނަން، ފޮޓޯއަކަށް ވާކަހަލަ ފޮޓޯއެއް ނަގާފައި ހުރިނަމަވެސް ރަނގަޅެންނު، ހީވަނީ އަންހެން ކުއްޖެއްގެ ފޮޓޯއެއް ދުވަހަކުވެސް ނަގަން ނުލިބެނީހެން، ނިކަން އެއްޗެއްނުލާ ހުއްޓާ ފޮޓޯއެއް ނެގިނަމަތާ އެންމެން ބަލާހިތްވާކަހަލަ ފޮޓޯއަކަށް ވާނީ” ރުޅި އައިސްފައި ހުރިވަރުން ލަމްޔާއަށް އެއްޗެހި ކިޔުނީ އޭނާ ދުވަހަކުވެސް ވާހަކަނުދައްކާހާ ހުތުރުބަހުންނެވެ. އަދި އެތަނުން ނުކުމެގެން ދިޔައީ ބާރުވައިރޯޅިއެއް ނުކުމެގެންދިޔަ ހެންނެވެ.

ލަމްޔާ ދެއްކި ވާހަކަތަކުގެ ހަޤީޤަތް އެނގެން ބޭނުންވީ ނަދީމެވެ. އެންމެން ކޮފީ މޭޒުދޮށުގައި ހަމަވުމުން ލަމްޔާގެ ވާހަކަފެށީ ވެސް އޭނާއެވެ. ސްޓޫޑިއޯއަށް އައިސް އޭނާ ދެއްކި ވާހަކަތައް އިޤުބާލަށް ހަނދާންކޮށްދެމުން ދިޔައެވެ. ލަމްޔާ ދެއްކީ ތެދުވާހަކަކަން އިޤުބާލަށް އެނގެއެވެ. އެހެންނަމަވެސް ރައްޓެހިންގެ ކުރިމަތީ އޭނާ ކަންނުވެ ނަންވެގެން އުޅެނީކަމުގައި އެނގެން ބޭނުންނުވީއެވެ. އެއަށްވުރެ އޭނާއަކީ ކާމިޔާބު މީހެއްކަން ރައްޓެހިންގެ ކުރިމަތީ ދައްކަން ބޭނުންވީއެވެ.

“އަހަރެން ވެސް ދެން އެކަހަލަ ކަޑަކަމެއް ނުކުރާނެދޯ، އަހަންނާއެކު ފޮޓޯއެއްނަގައިފިއްޔާ އަހަރެން ވެސް ބަދުނާމުވާނެ، އެހެންވާކަށް އަހަރެން ބޭނުމެއްނޫން، އެހެންވެ ދެމީހުން އެކުގައި ފޮޓޯއެއް ނުނެގީ، ގައިމު އެވަގުތު ލަމް އުޅުނީ އެހާ ރުޅި އައިސްގެނެއްނޫން” އިޤުބާލު ދޮގުގެ މައްޗަށް ދޮގުހަދަމުން ދިޔައެވެ. އެކަން އެނގެނީ އޭނާއަށާއި ހެއްދެވިފަރާތަށެވެ. އެހިސާބަށް އޭނާގެ ޢަމަލުތައް ހިނގައިދާނެ ކަމާމެދު އެތަނުގައި ތިބި އެކަކު ވެސް ހިޔެއްނުކުރެއެވެ. އިޤުބާލާއި ލަމްޔާގެ ދެމެދު ނަހަމަގުޅުމެއް ހިނގިކަމުގެ ޔަޤީންކަން އިޤުބާލު ދެމުންދިޔައެވެ. ކުރެވެމުންދިޔަ ޝައްކު ފިލުވާލަން ޖެހުނީ އެހެންވެއެވެ.

“އެހެންވިޔަސް، ތިކުރީ ކަޑަކަމެއް، އަހަރުމެންގެ ތެރޭ އެފޮޓޯތައް ގެންގުޅުނު ނަމަވެސް ފާއިލަށް ކީއްކުރަން ފޮނުވީ” އަބަދުވެސް ލަމްޔާއާ އެއްކޮޅަށް ވާހަކަދައްކާ ނަދީމު ބުންޏެވެ.

“އަހަރެން އެހެން ހެދީ، މާރަނގަޅު މީހަކަށް ހެދިގެން އުޅޭތީވެ، ވެރިންގެ ތުންފުއްސެއްނޫންކަމެއް ވެސް ނޭނގޭ، އެހެންނޫންނަމަ އަހަރުމެންގެ ބޮޑަކަށް އޭނާ ލާންވީ ކީއްކުރަން، މަދު ދުވަސްކޮޅެއްގެ ތެރޭ އޭނަ ކުރިއަރަންވީ ކީއްވެ؟، ލަމްޔާގެ ހަޤީޤަތް ފާއިލަށް އަންގަން ބޭނުންވީ ވެސް އެހެންވެ” ހޫދު އިނދެފައި ބުންޏެވެ.

ވަޒީފާއިން ވަކިވި ދުވަހުން ފެށިގެން ލަމްޔާ ހުންނަނީ ގޭގައެވެ. އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީތީއެވެ. އެކުވެރިއެއްގެ ގޮތުގައި ފަރުދާވެހުރި އަދާވަތްތެރިއެއްގެ ސަބަބުންނެވެ. އިޤުބާލު އެހެން ކަންތައްކުރީ ކީއްވެތޯ ބެލުން މިހާރު ލަމްޔާއަށް މުހިންމެއްނޫނެވެ. އެއަށްވުރެ އޭނާ ދެރަވަނީ ފާއިލު އޭނާއާމެދު ދެކޭގޮތް ބަދަލުވީތީއެވެ. ހީވަނީ ދަރިންނަށްޓަކައި ވަރިނުކޮށް ބައިންދާފައި އިންނަ ހެންނެވެ. އިޤުބާލަށް އެރޭ އެފުރުޞަތު ލިބުނީ ކޮފީތަށީގެ ސަބަބުންނެވެ. އެރޭ ކޮފީ މެޝިން ހަލާކުވެފައި ހުރުމުން އިތުރަށް ކޮފީތަށްޓެއް ހަދައިދޭން ނޫޅުނުނަމަ އެހުރިހާ ކަމެއްކުރާނޭ ވަގުތެއް އިޤުބާލަކަށް ނުލިބުނީސްކަން ލަމްޔާއަށް އެނގެއެވެ. އޭނާއަށް އެކަމުން ފިލާވަޅެއް ދަސްވެއްޖެކަން ޔަޤީނެވެ. ދެން ދުވަހަކުވެސް އޭނާގެ ހިޔާވަހިކަމުގެ ދަށަށް ފާއިލުގެ ޣައިރު ހާޒިރުގައި އެކަކުވެސް ނުވައްދާނެއެވެ.

ކިތަންމެ ފަހަރަކު ލަމްޔާ ފާއިލަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ލަމްޔާ މިހާރު ހުރީ ފާއިލު އޭނާގެ ވާހަކަތައް ޤަބޫލުކުރާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާގެ ފަސްބައިގެ ޖެހުނު ލައްގަނޑަކީ ބަޔަކު މީހުން ފާއިލުގެ ލޮލުގައި އެޅުވި އަދުނެއްގެ ސަބަބުން ފާޅުވެގެން ދިޔަ ލައްގަނޑެއްކަން އެނގި ލަމްޔާއަށް މާފުކުރާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. އެންމެ ކޮފީތަށްޓަކުން ލަމްޔާއަށް ލިބުނު ފިލާވަޅު ކޮފީހާ ހިއްޗެވެ.

—- ނިމުނީ —-

Leave a Comment

Your email address will not be published. Required fields are marked *