THIYAEE MAGEY MITHURAA EY [EP: 08]

“އަހަރުމެންނަށްވިއްޔާ ދަރިން ރަނގަޅު މަގަށް އެޅުވުމަށް މަސައްކަތެއް ނުކުރެވޭނެތަ، ލަބީބު ބޭނުމެއްނުވޭތަ ޒީވާ ރަނގަޅު ކުއްޖަކަށްވުމަށް، އޭނާއަށް ކުށެއްކުރެވުނީމަ އެގޮތަށް ބާކީކޮށްލުން އެއީ އޭނާ ރަނގަޅު ގޮތް ޚިޔާރުކުރަން ދެވޭ ފުރުޞަތެކޭ އަހަރެންގެ ހިތެއްނުބުނޭ…. އެހެންވީމަތާ ކަންތައްތައް ގޯހުން ގޯހަށް މި ދަނީ… ލަބީބު އެ މަންޖެ ގެއިން ނުނެރުންނަމަ މިއަދު އަހަރުމެންނަށް އެ ކުއްޖާ ރަނގަޅު ކުރުމުގެ ފުރުޞަތު ލިބުނީހެންނު” ޝީރީންގެ ވާހަކަތަކުން ލަބީބު ހައިރާންކުރުވިއެވެ.

“ޝީރީން، އެންމެ ކުއްޖަކާމެދު ވިސްނުމުގެ ބަދަލުގައި ހުރިހާ ކުދިންނާމެދު ވިސްނަންޖެހޭނެ، ގޭތެރޭގެ މަޞްލަޙަތައް ވެސް ވިސްނަން އެބަޖެހޭ، އަހަރެން ޒީވާދެކެ ލޯބިވާވަރު ޝީރީނަށް ވެސް އެނގޭނެ، އަހަރެން ވެސް ބޭނުމެއްނުވޭ އެ ދަރިފުޅު ގެއިން ނެރެ އެއްލާލާކަށް، އެކަމަކު ޒީވާ އަހަރުމެންނަށް އޮޅުވާލީ މާބޮޑަށް، އަކްމަލްގެ ސަބަބުން އަހަރެންގެ ދަރިފުޅު އަހަންނަށް ގެއްލުނީ، އަހަރެންގެ އަތުންފައިން ގޯސް ހަދަން މަޖުބޫރުވީ…. އެކަމަކު… މިހާރު މިގޭތެރޭގެ ދިރުން ގެއްލިއްޖެކަން އަހަންނަށް ވެސް އިހުސާސްކުރެވޭ، ޝީރީން އެކުއްޖާއާ ވާހަކަދައްކާކަން އަހަންނަށް އެނގޭ، ޒީވާ ހުރީ ކޮންތާކުތަ؟” ކުރުއަތްމައްޗަށް ތެދުވެލަމުން ލަބީބު އަހާލިއެވެ.

“އަހަރެން ޒީވާ ގެންގޮސް ބެހެއްޓީ ޝަފްޤާ ދައްތަ މެންގޭގައި… ހިތަށް އެރީ ވަކިން ތަނެއްގައި ބެހެއްޓުމަށްވުރެ ބައެއްގެ ތެރޭގައި ޒީވާ އުޅެންޖެހުމުން އޭނާ ވިޔާނުދާކޮށްއުޅެން ބޭނުންވިޔަސް އެކަން ކުރަން އުނދަގޫވާނެއޭ، ނަސީބެއް ޒީވާ އެގޭގައި ބަހައްޓަން ދައްތަ އެއްބަސްވިކަން… ލަބީބު، ޒީވާ… ޒީވާ އެގޭން ނިކުމެގެން ހިނގައްޖެ، އަހަރުމެންނަށް ދަރިފުޅު ހޯދަން މިއުޅެވުނީ މާލަހުންތަ؟” ޝީރީން ދެރަވެފައި ބުނެލިއެވެ.

“ކީކޭ؟ ނިކުމެގެން ދިޔައިއޭ؟ ކޮންތާކަށް؟ ކީކޭ ބުނާނީ….” ޤަބޫލުކުރަން އުނދަގޫވެފައި އޮތް ލަބީބަށް ބުނެލެވުނެވެ.

“ހުރިތަނެއް ވެސް ނުބުނޭ، ގުޅިޔަސް ފޯނެއް ނުނަގާ، ވީގޮތެއް ވެސް ނޭނގެ، ދައްތަ ގުޅާފަބުނި ޒީވާ އާއި އެގޭ ލޫތުގެ ވާހަކަތަކެއްދެއްކި، އަހަންނަށް ވެސް ވެގެން އުޅޭގޮތެއް އެނގެނީއެއްނޫން، ދައްތަ ހުރީ ޒީވާދެކެ ވަރަށް ހިތްހަމަނުޖެހިފައި… އެހެންވިޔަސް އަހަރެން ކޮންމެ ދުވަހަކުހެން ޒީވާގެ ހާލު ބަލަން، އެއްގޮތަކަށް ވެސް ނުވިސްނުނު ޒީވާ އެހެން ކަންތައް އެކުރީ ކީއްވެކަމެއް… ލަބީބު ގުޅަނިކޮށް އޭނާ ފޯނު ނަގާފާނެހެން ހީވަނީ، ލަބީބު، އަހަރެންގެ ދަރިފުޅު ގެއަށް ގެނެސްދީ…” ޝީރީން ލަބީބުގެ އަތުގައި އަތްޖައްސާލީ އާދޭސްކުރާ ފަދައަކުންނެވެ.

“އަހަރެން މިބުނާ ވާހަކަ ތި ފެނުނީ، ޒީވާއަށް ދެން ނުހުރެވޭނެ އެކަހަލަ ދިމާލަށް ނުގޮހެއް، ރަނގަޅަށްވެއްޖެއްޔާ ޝަފްޤާ ކަމެއް މަނާކުރީމާ އެގެއިން ނިކުމެގެން ދިޔައީ ހެން އަހަންނަށް ހީވަނީ، އަހަރެން އެ ދަރިއަށް ކިހިނެއްތަ ހަދާނީ… ޝީރިން ބުންޏަސް މިގެއަށް ގެނެސްގެން އަހަރުމެންނަށް އޭނާ ހިފަހައްޓާލެވޭނެތަ، އަހަރެން ބޭނުމެއްނޫން ޒީވާއާއެކު ފާޑުފާޑުގެ މީހުން މިގެއަށް ވަންނާކަށް، ފުލުހުންނަށް އެންގީމާ އަނެއްފަހަރު ގެނެސް މިގޭތެރެއަށް ލާނީ، އަދި ހިތަށް މިއެރީ ޒީވާ ގެއަށް ގެންނަން، އެކަމަކު ތިބުނި ވާހަކައަކުން އަހަރެންގެ ހިތް މުޅިން ބަދަލުވެއްޖެ، ޝީރީން އަމިއްލައަށް އެހެން ކުދިންގެ އުޅުން ގޯސްކުރަން ބޭނުންވަންޏާ ޒީވާ މިގެއަށް ގެނޭ، އަހަންނެއް އިތުރަކަށް ނުހުއްޓުވާނަން، އެކަމަކު އަހަންނަކަށް ޒީވާ ދެކޭކަށް ކުޅަދާނައެއް ނޫން” ލަބީބުގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

“އަހަރެން ހިތައް އަރާ އަހަރުމެންގެ ޒީވާއަށް ކާކުގެ އެސްފީނާއެއްބާއޭ މިޖެހުނީ، ނުލާހިކު ބަސްއަހާ ކުއްޖެއް، ރަނގަޅަށް ކިޔަވަކިޔަވާ ހުރީ ވެސް… ދެން ކުއްލިއަކަށް މިޖެހުނީ ކޮންކަންތައް ގަނޑެއްތަ، އަހަރެންގެ ހިތް ފަޅައިގެންދާވަރުވޭ، ލަބީބު އެ މަންޖެގެ އަތުގައި ހިފައިގެން ގެނެސް މިގޭ ދޮރުން ނުވައްދާހާ ހިނދަކު އޭނާ ނާންނާނެކަން އަހަންނަށް އެނގޭ” ޝީރީން ބުންޏެވެ. ލަބީބު އަނގައިން ނުބުނެ ނިތުގައި އަތްބާއްވާލަމުން ދެލޯ މަރާލިއެވެ. އޭނާ ބަހެއްނުބުނި ކަމުގައި ވިޔަސް ސިކުނޑީގައި ވަނީ ދަރިފުޅު ޒީވާގެ ޚިޔާލުތަކެވެ.

* * * *

ދެކޮޅަށް ކިރެމުން ކަހަލަ ގޮތަކަށް އަކްމަލް އައިސް ގެއަށް ވަނެވެ. އޭރު ދަންވަރު ދޭއްޖަހަނީއެވެ. ކަންބޮޑުވެފައި ސޯފާގައި ވާފިރު އިނެވެ. އޭނާ ނިދަން ނުވަންނާތީ ވާފިރުގެ ގާތުގައި ސޯފާގައި ނަބީހާ ވެސް އިނެވެ. އިރުއިރު ކޮޅާ ގަޑިބަލަމުން ދިޔަ ވާފިރަށް އަކްމަލް އައިސް ވަންގޮތް ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އަކްމަލްއަށް ބައްޕަ ފެނުމުން އަވަސް އަވަހަށް ނިތްކުރިމައްޗަށް ހޭވިގެން ވެއްޓިފައި އޮތް އިސްތަށިތައް އަތުން ރީތިކޮށްލަމުން ހަށިގަނޑު ތެދުކޮށްލަން މަސައްކަތްކުރިއެވެ. އަދި އަނގައިން ނުބުނެ ސިޑިން އަރައިގެން ދާން އުޅުނެވެ.

“ދަރިފުޅާ… ހެޔޮނުވާނެ، ބައްޕަ ދަރިފުޅުގެ ގާތުން އާދޭސްކޮށްފައި މިބުނަނީ، ތިކަން ހުއްޓާލާ، މުޅި މީހާ ތިހިރަ ހަލާކުވެދަނީ” ވާފިރުގެ އޯގާތެރިއަޑު އިވުނެއްކަމަކު އަކްމަލްގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. އޭނާ އިސްޖަހާލައިގެން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ސިޑިއާ ދިމާލަށް ދިޔައެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ސުހާނާ ހުރީ ނުނިޔަތެއްގައި ހުރި މީހަކު ފަދައިން ހިނިއައިސްފައެވެ.

“އަހަރެން ހިތައް އަރާ ބައްޕައަށް މިހާރު ކިހިނެއްފަބާއޭ ހުރީ، ބަލަ ހާމިޝް ވެސް އުޅުނީ އެގޮތަކަށް ނޫންތަ؟ އޭނާ ވީމަ ވަގުތުން ގުޅާފައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވިއްޖެ، މީނަ ކީއްވެތަ ނުގެންގޮސް މިގޭގައި ބަހައްޓާ މިހުންނަނީ… ވަކި މީހަކަށް ވަކިގޮތެއްތަ، ބޮޑު ޕާޓޭގަނޑެއް… މީހަކަށް ގުޅަން ނުކެރެންޏާ އަހަރެން ގުޅާފަ މީނަ ފޮނުވާލަ ފާނަން، އޭރުން މި ވަބާއިން ސަލާމަތްވީއެންނު…. ޖަލުގެ ގޮޅިއެއްގައި މީނާ ބާއްވަންވީ…” ސުހާނާ އައިސް އަކްމަލްއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އޭނާގެ އަނގައިން ބަސްނުނިމެނީސް އަކްމަލް ދަމާލި އަތުން ހޫނު އެތިފަހަރެއް ސުހާނާގެ ކޯތަފަތުގައި ވިހެލިއެވެ.

“މަންމާ….” ވީ ތަދުން ސުހާނާ ހަޅޭލަވައިގަތެވެ.

“ކަލޭ ހާދަ އަނގަގަދަ ވެގެންނޭ ދޯ ތިއުޅެނީ، އަހަންނަށް އެނގޭ ކަލޭމެން ކަހަލަ މީހުން މައިތިރި ކުރަން ވެސް” ވަރުނެތް ގޮތަކަށް އަކްމަލް ބުނެލިއެވެ.

“އަކްމަލް… ހުއްޓާލާ…. ދޭ ކޮޓަރިއަށް” ވާފިރު ވެސް ވާހަކަދެއްކީ ބާރަށެވެ. އޭނާ އަކްމަލްއަށް އަމުރު ކުރުމުން އަކްމަލް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

“ދެން ނުކެރޭނެ އެންމެ ހިނދުކޮޅަކު ވެސް މިގޭގައި ހުންނާކަށް” އައި ރުޅިންނާއި ވީ ތަދުކުން ކޯތާފަތުގައި އަތްޖައްސާލައިގެން ހުރެ ސުހާނާ ބުންޏެވެ. އެވަގުތު ގޭގެ ހަތަރު ފާރުގައި ވާފިރުގެ އަޑު ގުގުމައިގެން ދިޔައެވެ. ނަބީހާ ވެސް ދިޔައީ ސިއްސައިގެންނެވެ.

“ޚަބަރުދާރު… މީ މަގޭ ގެއެއް، ދަރިއެއްކަމަކު ކެތްކުރެވޭނީ ވަކިވަރަކަށް، މިގޭތެރެއިން އަކްމަލް ހައްޔަރުކޮށްގެން ގެންގޮސްފިއްޔާ އެ ވަގުތަކުން ފެށިގެން ސުހާނާ ޖެހޭނީ މިގެއިން ނިކުންނަން، އަކްމަލްއަށް މިގޭގައި ނެތިއްޔާ ސުހާނާއަށް ވެސް މިގެއަކުން ޖާގައެއް ނޯންނާނެ، އަޑު އިވިއްޖެއްތަ، އަކްމަލްއަށް އެހެން ހެދި މީހަކީ ތީ… މަގޭ ދަރިއެއްގެ ގޮތުގައި ހުއްޓަސް ކަލޭތީ މަގޭ ދަރިއެއްނޫން، މަށަށް ޔަޤީނެއް ނޫން ކަލޭތީ އިންސާނެއް ކަމަކަށް ވެސް، އެހެންނޫނީ އިންސާނިއްޔަތުކަމުގެ ޒަރެއްގެ މިންވަރުވީސް ހުރީހެއްނު، މަގޭ އަކްމަލްއަށް ކަމެއްވެއްޖެއްޔާ….” ވާފިރުގެ ދަތްތަށް ބާރުކޮށްލެވުނީ އޭނާގެ ހިތަށް އައިހާ އެއްޗެއް ބޭރުކުރަން ބޭނުންނުވެގެނެވެ. ހަލުވިކޮށް ހިނގާފައި ވާފިރު އައިސް އޭނާގެ ކޮޓަރިއަށް ވަދެ ބަންކިޔާފައި ދޮރު ޖެހިއެވެ. އަވަސް އަވަހަށް އޭނާގެ ފަހަތުން ނަބީހާ ވެސް އައެވެ. ސުހާނާ ހުރީ ބައްޕަގެ އިންޒާރުން ހުއްޓުން އަރާފައެވެ. އަކްމަލްއަށް ކަމެއްވެއްޖެނަމަ އޭނާގެ އަރާމު ދިރިއުޅުން ގެއްލޭނޭކަން އެނގޭތީއެވެ. ވާފިރު އެކަހަލަ ނިންމުމެއް ނިންމަފާނެއެކޭ ހީނުކުރެވުނީއެވެ. އަނެއްކޮޅުން ދުވަހަކު ވެސް އަކްމަލްއަށް އަތް އިސްކުރަން ކެރޭނެއެކޭ ސުހާނާ ހިތަކަސް ނާރައެވެ. އޭނާ ވެސް ބަދަލުވެއްޖެއެވެ. ހަޤީޤަތުގައި ވެސް މިހާރު އެ ގޭގައި އުޅެނީ ކުރިން ފެނުނު އަކްމަލްއެއް ނޫނެވެ.

ކޮޓަރިތެރެއަށް ވަދެ ރަނގަޅަށް ދޮރު ތަޅުލުމާއިއެކު އަކްމަލް ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބުން ކުޑަ ޕެކެޓެއް ނެގިއެވެ. އަދި އޭނާ އޭތި ބޭނުންކޮށް މަސްތުކަމުގެ ތެރެއަށް ހުރި ވަރަށް ވުރެ ވެސް ބޮޑަށް ގެނބިގެންދިޔައެވެ.

“ޒީވާ….” ރަނގަޅަށް ދެލޯ ނުހުޅުވުނެއްކަމަކު އެނދުގެ ހުރަހަށް ވެއްޓިގަނެގެން އަކްމަލްގެ ދާދި ގާތުގައި ޒީވާ އޮތްތަން އޭނާއަށް ފެނެއެވެ. ލުއި ހިނިތުންވުމަކާއިއެކު އޭނާ ޒީވާ ގެނެސް ގާތްކޮށްލިއެވެ. އެއާއެކު ރޯން ފެށިއެވެ. އަކްމަލްގެ އަތުގެތެރޭ ބާރުވެ ފިތެމުންދިޔައީ އޭނާގެ ކައިރީ އޮތް ބާލީސްކަމެއް ނޭނގޭ ކަހަލައެވެ. އެކަނިމާ އެކަނި ވާހަކަދައްކަމުން އެއްފަހަރު ރޮމުން ރޮމުން ހީނލާފައި އަނެއްފަހަރު ރޮމުން ގޮސް ގިސްލައެވެ. އޭނާ ވަނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭ ހާލުގައެވެ. އަކްމަލް ކޮންމެ ހާލެއްގައި ވީނަމަވެސް އޭނާއާ ޒީވާގެ ހަނދާންތަކާއި ދުރެއްނުވެވުނެވެ. ހޭލާ ހުރިކަމުގައި ވިޔަސް އޭނާ ނިދާފައި އޮތްކަމުގައި ވިޔަސް ޒީވާ ނޫން ފަރާތެއް އޭނާގެ ހިތާއި ސިކުނޑީގައި ނުވެއެވެ. އެ ޚިޔާލުތައް އޭނާ އެކަނިވުމަށް ދޫކޮށެއްނުލައެވެ.

* * * *

“އޭތް! ކޮން ޚިޔާލެއްގައި” ޒީވާގެ މޫނުގެ ކުރިމަތިން ދީމް ޖަހާލި ފުއްޓަތްކާއިއެކު އޭނާ ސިހިފައި ދީމްއަށް ބަލާލިއެވެ.

“ދީމްއަށް އަހަރެންގެ ހަޤީޤަތް އެނގިއްޖެނަމަ ނުބުނާނެ އަހަންނަކީ ރަނގަޅު އަޙުލާގެއް ލިބިފައިވާ ކުއްޖެކޭ، ހަމަ އެގޮތަށް ދީމްގެ މަންމަމެން ވެސް ޤަބޫލެއްނުވާނެ އަހަރެން ކަހަލަ އަންހެން ކުއްޖަކު ތިގޭގައި ހުންނާކަށް” އިސްޖަހާލި ޒީވާ ބުނެލިއެވެ.

“މާޒީގައި ވެފައި އޮތްކަމެއް މާޒީއަށް ވެގެން ހިނގައްޖެ، އެކަމުގެ ހިޔަނި ކުރިއަށް އޮތް މުސްތަޤުބަލަށް އެޅުނަ ދޭންވީ ކީއްކުރަން، ވީ އަރ ޔަންގް… ނޫންތަ؟ އެހެންވީމަ ކްރޭޒީ ކަންތައްތައް ކުރެވިދާނެ، ކުރެވުނު ގޯސް ކަންތައްތަކަށްވުރެ ރަނގަޅު ކަންތައްތައް ގިނަ ކުރުމުން، ކުރިން ކުރެވިފައި ހުރި ގޯސްކަންތައްތަކުގެ ވާހަކައެއް އެކަކު ވެސް ނުދައްކާނެ، ޔޫ ނޯ ޒީ، ގުޑް ޑީޑްސް އިރޭޒް އޯލް ދަ ބޭޑް ތިންގްސް ވީ ޑޫ… ސޯ ޗިލް ގާލް… މާޔޫސްވެފައި ނީނދެ ހީނލަބަލަ، ޒީ ހިނިތުންވަނީ ވަރަށް މަދުންކަން އަހަންނަށް ފާހަގަކުރެވޭ، އެކަމަކު ހިނިތުންވެލައިފިނަމަ ހީވަނީ މުޅިން އެހެން މީހެއްހެން… ވަރަށް ކިއުޓް…” ދީމްގެ ވިސްނުން ޒީވާއަށް ވަރަސް ކަމުދިޔައެވެ.

“ދީމްގެ ތި ހެޔޮކަން އަހަރެން އަބަދުވެސް ހަނދާން ކުރާނަން، ގޮތްހުސްވެފައި މީހާ ހުންނަ ވަގުތު އެހީތެރިވާ އެކުވެރިންނަކީ ހަޤީޤީ އެކުވެރިންނަކީ” ޒީވާ އުންމީދުން ފުރިގެންވިފަދަ ގޮތަކަށް ހިނިތުންވެލަމުން ދީމްގެ އަތުގައި ހިފާލިއެވެ.

“އެހެންވީމަ މަންމަ ގާތު މި ބުނަނީ އިނގޭ” ދީމް މިހެން ބުނުމާއިއެކު ޒީވާ ބޯޖަހާލިއެވެ.

ދެދުވަހެއްގެ ތެރޭގައި ޒީވާ ގެސްޓު ހައުސް ދޫކޮށްލުމަށްފަހު ދީމް މެންގެ ގެއަށް ބަދަލުވިއެވެ. ޒީވާއަށް ދީމްގެ މަންމަ، މޫނިސާ އާއި ދައްތަ، ޝަނޫޒާ މަރުޚަބާ ކިޔެވެ. ޒީވާއަކީ އުޅޭނޭ ގޮތެއް ނެތިފައި ހުރި ކުއްޖެކޭ މޫނިސާގެ ހިތެއް ނުބުނެއެވެ. އެ އަންހެން ކުއްޖާއަށް ދީމް އެހީތެރިވާން ބޭނުންވާ ވަރު އެނގި ހުރެ އެކަމަށް ހުރަސް އަޅާކަށް މޫނިސާ ބޭނުމެއްނުވިއެވެ. ޝަނޫޒާ އާއި ދީމްއަކީ ވަރަށް ގުޅިގެން އުޅޭ ދެބެންކަމަށް ވާތީ، ޒީވާގެ ވާހަކަ ދީމް ވަނީ ޝަނޫޒާގެ ގާތުގައި ދައްކާފައެވެ. އެހެންވެ ޒީވާ ފެނުމުން ޝަނޫޒާއަށް މުޅިން އަލަށް ދިމާވިކަމުގެ އިހުސާސެއް ނުކުރެވެއެވެ. ވަކިން ހުރި ކޮޓަރިއެއް ޒީވާއަށް ތައްޔާރުކޮށްދީފައި ހުރިއިރު އޭނާ ހުރީ ވަރަށް ޖެހިލުންވެފައެވެ. ދީމްއަށް އިތުބާރު ކުރިޔަސް އޭނާގެ ޢާއިލާ މީހުންގެ ގޮތެއް ނޭނގޭނެތީއެވެ. އެހެންނަމަވެސް އެ މީހުންގެ ހިނިތުންވެފައި ތިބި މޫނުތައް ފެނުމުން ދީމްއަށް ލިބިފައި އެވަނީ އެމީހުންގެ ހިތްހެޔޮކަމޭ ޒީވާގެ ހިތް ބުނެލި ކަހަލައެވެ.

“ހިނގާ އަވަހަށް ކާން، ވަރަށް ބަނޑުހައިވެއްޖެ” ޒީވާގެ ކޮޓަރިއަށް އޭނާގެ ފޮށިލާފައި ނިކުތުމާއިއެކު ދީމް ބުނެލިއެވެ. އަދި ވަރަށް އުފަލުން ހުރެ ޒީވާގެ އަތުގައި ހިފާލަމުން ބަދިގެ ފަރާތަށް ދިއުމަށް އަވަސްވެގަތެވެ.

“ޒީއަށް ކަމުދޭތަ ދިވެހި ކެއުން” ކާމޭޒު ދޮށުގައި ދީމް އާއި ޒީވާ އިށީނުމުން ޝަނޫޒާ އަހާލިއެވެ. މާޙައުލަށް އައުވެފައި އިން ޒީވާ އާނއެކޭ ބުނުމަށް މަޑުމަޑުން ބޯޖަހާލިއެވެ.

“ދީމްގެ ރަޙުމަތްތެރިންނެއް މީގެ ކުރިން މިގެއަކަށް ނުގެނޭ، އެހެންވީމަ މަންމައަށް އެނގޭ ޒީއަކީ ދީމްގެ އާދައިގެ ރަޙުމަތްތެރިއެއް ނޫންކަން، ޒީ… ކަމެއް ބޭނުންވެފައި ނުބުނެ ނުހުންނައްޗޭ، ދީމް އެކޭ ޒީވާއެކޭ މި މަންމައަށް ވާނީ އެއްވަރެއް، ހިނގާ ދޯ ކާން ފަށަމާ” މޫނިސާ ބިއްލޫރިތަށިތަކަށް ފެންއަޅާފައި ފެންފުޅި މޭޒުމަތީ ބަހައްޓަމުން ކާމޭޒު ދޮށުގައި އިށީނެވެ. އެ ޢާއިލާގެ ގުޅުން ފެނި ޒީވާ އޭނާގެ ޢާއިލާ މަތިން ވަރަށް ހަނދާންވިއެވެ. މަންމަ ހުރިހާ ކުދިންނާއިގެން އުޅޭ ގޮތް ސިފަވެގެންދިޔައެވެ. ދައްތަ އާއި ކޮއްކޮމެން ޒީވާއާ ދެކެ ލޯބިވާވަރު ހިތައް އެރުމުން އޭނާއަށް ބަޔާންކުރަން ތަދި ރިހުމެއް ހިތުގައި އުފެދިގެންދިޔައެވެ.

ޒީވާ، ދީމް މެންގެ ގޭގައި އުޅޭތާ ދުވަސްތަކެއް ވެގެންދިޔައިރު މޫނިސާއަށް ޒީވާއަކީ ކޮންކަހަލަ ކުއްޖެއްކަމެއް ބުނާކަށް ނޭނގުނެވެ. ބައެއްފަހަރު އެ ޢާއިލާއާއެކު ހިނިތުންވެލާފައި ހުންނަތަން ފެނުނެއްކަމަކު ޒީވާ ކޮންމެވެސް ކަމަކާ ހިތާމަ ކުރާހެން މޫނިސާއަށް ހީވަނީއެވެ. ޒީވާއާ ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް އެ ކުއްޖާ މޫނިސާ ގާތު އެއްވެސް ކަމެއް ހާމައެއް ނުކުރެއެވެ. ދީމްގެ ގާތުގައި މޫނިސާ އެހިޔަސް އޭނާއަށް ޒީވާ ފިކުރު ކުރަނީ ކޮންކަމަކާކެމެއް ނޭނގެއެވެ. މީހަކު ލޯބިން ބަލައިގަންނަ ފަދަ ކުއްޖެއްގެ ގޮތުގައި މޫނިސާއަށް ޒީވާ ސިފަވިޔަސް އޭނާ ސުވާލު އުފެދެނީ ޒީވާއަށް އަޅާލާނެ މީހަކު ނެތީތީއެވެ. ހުރިހާ ކަމެއްގެ ހަޤީޤަތް އެނގެން މޫނިސާ ބޭނުންވެއެވެ. ލޯތްބާއި އޯގާތެރިކަމުން ޒީވާގެ އެކަނިވެރިކަން ކުޑަކުރުމަށް މޫނިސާ މަސައްކަތް ކުރި ނަމަވެސް ޒީވާ އެއްވެސް ވާހަކައެއް ނުދައްކާތީ މޫނިސާ ހުންނަނީ ކަންތައްބޮޑުވެފައެވެ.

ޒީވާގެ އަތުގައި ފައިސާ ކޮޅެއް އެއްވާގޮތް ވުމުން ކިޔެވުން ނިމެން ގިނަ ދުވަސްތަކެއް ނެތިސް ކޯސް މެދުކެނޑުނީތީ އޭނާ ބޭނުންވީ އަލުން ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. އެހެންވެ ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހު ރޭގަނޑުގެ ކުލާސްތަކަށް އޭނާ ކިޔަވަން ދާންފެށިއެވެ. ޑިއުޓީގަޑީގައި ދީމްގެ އެހީތެރިކަން ބޮޑުކަމުން ޒީވާއަށް ކިޔަވަންދާނެ ވަގުތު ލިބުނީއެވެ. އަނެއްކޮޅުން ކެފޭ ހިންގާ އާމިރަކީ ހިތްހެޔޮ މީހެކެވެ. އޭނާ ޒީވާގެ ކުރިއެރުމަށް ހުރަސް އަޅާކަށް ބޭނުމެއްނުވިއެވެ. ދީމް އާއި ޒީވާގެ ސަބަބުން އޭނާގެ ކެފޭއަށް ނުހަނު ފައިދާ ވޭ ވިއްޔާއެވެ. މަޑުމަޑުން ޒީވާ ބޭނުންވި ކަންތައް ވީއެވެ. ބަކީ އޮތް ފަހު ސެމެސްޓަރ ގެ ކިޔެވުން ނިމި ފާސްވިކަމުގެ ސަނަދު ވެސް އޭނާއަށް ލިބިއްޖެއެވެ. ދީމް މެންގެ ގޭގައި އެކަން ފާހަގަކޮށް ކުޑަ ހަފްލާއެއް ޒީވާއަށްޓަކައި ޢާއިލާގެ މެންބަރުންގެ ތެރޭގައި ބޭއްވިއެވެ. ޒީވާއަށް ވެސް މިހާރު އޭނާގެ ޢައިލާ ކަމުގައި ދީމް އާއި އޭނާގެ ޢާއިލާއާ މެދު ދެކެވެއެވެ. އޭނާއަށް އެހީތެރިވުމުގައި އެމީހުން ފަހެއް ނުޖެހެއެވެ. މަންމައެއްގެ ގޮތުގައި މޫނިސާ ފެންނަން ހުރެއެވެ. މަންމައަކު ފަދައިން އޭނާއަށް އެހީތެރި ވެސް ވެދެއެވެ.

ހުކުރު ދުވަހަށް ވީތީ ދީމް އަށާއި ޒީވާއަށް އެ ދުވަހަކީ އޮފް ދުވަހެކެވެ. ކެފޭއަށް ދާކަށް ނުޖެހެއެވެ. ޝާނޫޒާގެ އިތުރުން މޫނިސާ ވެސް ގޭގައި އުޅެއެވެ. އުޑުމަތީ ކަޅު ވިލާތައް ރުޅި ހަދާލާފައި ބޯކޮށް ވަރޭ ވެހެމުންދިޔައެވެ. ވާރެއާ ތެމެން ގޯތިތެރޭގައި އުޅެފައި ދީމް ނިކުތީ ބޭރަށެވެ.

“އަންނާނަން ހެލެނބެލި ގަނެގެން… ދޮންތަ މަޖާ މޮޑެންވެގެން އެ އުޅެނީ، ވާރެއާ ތެމިގެން މަޖާ ކާނީ” ސަކަރާތްޖަހަމުން ދީމް ބުނެލިއެވެ. ހިނިއައިސްފައި ހުރެ ޒީވާ ބޯޖަހާލަމުން ދޮރޯށި ދޮށުގައި މަޑުކޮށްލިއެވެ. މަގުގައި ހެދިފައި އޮތް ފެންގަނޑުގެ ތެރެއަށް އެރިގެން ދީމް ހެމުންހެމުން މަގުގެ އަނެއްފަރާތުގައި ހުރި ފިހާރަށް ގޮސް ވަނެވެ. ދީމް އުޅޭ ގޮތުން ޒީވާގެ ކައިރިއަށް ވެސް ހިނިއައެވެ.

ވަޔާއިއެކު ވާރޭ ހީވަނީ ހައްތަހާ ބޯކުރާހެނެވެ. މިއިން އިރަކު ހުއްޓާލާނެހެން ހީނުވެއެވެ. ދެފަރާތް ބަލާލާފައި ޒީވާ ދެއަތް ދަމާލުމާއެކު ދޮރޯށި ދޮށުގައި ނުހުރެ މަގަށް ކުޑަކޮށް ނިކުމެލިއެވެ. އެވަގުތު މަގުމަތިން އެކަކު ވެސް ފެންނާކަށް ނެތެވެ. ޒީވާގެ ކޮނޑަށްވުރެ ތިރިއަށް ދިގުވާން ފަށާފައި އޮތް ފަން އިސްތަށިގަނޑު ދެފަރާތަށް ތަޅުވާލުމާއިއެކު އޭނާ ދެލޯ މަރާލިއެވެ.

“އަކްމަލް…. އަކަމްލަ… އޭނާ މިވަގުތު ކީއްބާ ކުރާނީ؟ އޭނާ ވެސް ވާރެއާ ތެމެނީތަ؟ ހެ ހެ ހެ…. ބެލްކަނީގައި ވާރޭ ވެހޭތަން ބަލަން ކަންނޭނގެ ހުންނާނީ…” އެހެންމީހުންނަށް ނުފެންނަ ހިނިތުންވުމެއް ޒީވާގެ ތުންފަތުގައި ދުވެލިއެވެ. މައްޗަށް ދެއަތް އުފުލާލުމާއިއެކު ޒީވާ މައްޗަށް ބަލާލިއެވެ. ވާރޭގެ ތެރޭގައި ފެންފޮދެއްހެން ފައިބައިގެން ދާން އޭނާ ބޭނުންވީ ކަހަލައެވެ. ދެލޯ ހުޅުވާލުމާއެކު ޒީވާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީ ހުރި ގެއެއްގެ ބެލްކަނީގައި ޒުވާނަކު އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނިފައެވެ. އަވަސް އަވަހަށް ދެއަތް ތިރިކޮށްލާފައި ޒީވާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ދީމް މެންގޭ ދޮރޯށި ދޮށުގައު ހުއްޓިލިއެވެ. އަދި ކުރިމަތީ ހުރި ފިހާރައަށް ބަލާލިއިރު ދީމް ހީނހީނފައި ސޭޓަކަށް އިން އަންހެން ކުއްޖާއާ ވާހަކަދައްކަނީއެވެ. ޒީވާއަށް ވީގޮތެއް ނޭނގުނެވެ. އޭނާ ހިތުން، އޭނާގެ ހަރަކާތްތަކަށް ބަލާނޭ އެކަކުވެސް އެވަގުތު ނެތެވެ. ސިއްރުން އަނެއްކާ ވެސް ޒީވާ އެ ޒުވާނާ ހުރި ދިމާ ބަލާލިއެވެ. އިސްކޮޅުން ދިގުވެފައި ނިތްމައްޗަށް އިސްތަށިތައް ފައިބައިފައި ހުރިއިރު ހީވަނީ ތެމިފައި ހުރިހެންނެވެ. އޭނާގެ އަތުގައި ހުދުކުލައިގެ މަގެއް އޮތެވެ. ހީވަނީ ކޮފީ ބޮނީހެންނެވެ. ލައިގެން ހުރި ހުދު ކުލައިގެ ސްވެޓާ އޭނާގެ ގަޔަށް ދޫ ނަމަވެސް ފުޅާ ހަށިގަނޑެއްގެ ވެރިއެއްކަން އެނގެއެވެ. އޭނާ އަދިވެސް ހުރީ ޒީވާއަށް ބަލާށެވެ.

“މޮޔައެއްހެން މަގުމަތީގައި އުޅެންޏާ އެންމެން ވެސް ބަލާނެ… މި ދީމްގަނޑު ވެސް ނޫޅޭ އަންނާކަށް… އެމީހާ އަދިވެސް އެހެރީ ބަލަހައްޓައިގެން… އަހަންނަށް ޔަޤީން އޭނާ އެ ބަލަނީ މި ދިމާލަށްކަން… އެ މީހަކާ ހެދި ވެސް އަހަންނަށް ހާދަ އެބަ އުނދަގޫވެޔޭ… ކޮންމެހެން މި ދިމާލަށް ބަލަންޖެހޭތަ؟ ތަނެއްގައި އަންހެނަކު ހުރިއްޔާ މި ފިރިހެނުންނަށް ނުބަލާ ނުތިބެވެނީ ކަންނޭނގެ…” ސިއްރުން ބެލްކަނީގައި ހުރި ޒުވާނާއަށް ދޭތެރެއަކުން އަވަސް ކަޅިއެއް އެއްލަމުން ދިޔަ ޒީވާ ހިތާހިތުން ބުނެލިއެވެ. ދޮރޯށި ހުޅުވާލާފައި ކުރިއަށްވުރެ ވެސް އެތެރެއަށް ޒީވާ ޖެހިލިއެވެ. އޭނާ އެހެން ހުއްޓާ ގިނައިރެއްނުވެ ދީމް އަތުވެއްޖެއެވެ.

“ޒީ… ބަލާބަލަ، އައު ވައްތަރެއްގެ ޗޮކުލެޓެއް އެތަނަށް ގެނެސްފައި ހުރީ، އަން! މީ ޒީއަށް… އައްދޭ! ހާދަ މޫނު ހަދައިގެން ތިހިރީ، އަހަރެން ލަސްވީމަ ދޯ” ދީމްގެ އަތުގައި އޮތް ކޮތަޅުން ޗޮކުލެޓު ނަގާ ދިއްކޮށްލިއެވެ. ޒީވާ އަވަސް އަވަހަށް ދީމްގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ.

“އެ ފަރާތަށް ގޮސް ފައިދޮވެގެން ނޫނީ ގޭތެރެއަށް ނުވަންނާތި، މިހާރު ކޮންއިރެއް ވާރެއާ ތެމޭތާ، ދެން ފެންވަރަން ދާން އުޅޭ” ސިޓިން ރޫމުގައި ފަހާފޮށި ހިފައިގެން އެއްޗެއް ފަހަން އިން މޫނިސާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“މިވަންނަނީއޭ މަންމާ… އަން! މިއޮތީ ދޮންތަ ބުނެގެން ގަތް ހެލެނބެލި ކޮތަޅު، ތީގައި އޮންނާނެ ޗޮކުލެޓެއް ވެސް، މަންމަ އާއި ދޮންތައަށްވީ” ސިޓިން ރޫމު ދޮރުމަތީ ހުރެފައި ޝަނޫޒާއާ ދިމާލަށް ދީމް ކޮތަޅު އެއްލިއެވެ. އަދި ގޭގެ ބިއްދޮށަށް ދެވެން އޮތް ހިމަ ގޯޅިގަނޑުން ލާފައި ޒީވާ އާއި ދީމް އައިސް މޫނިސާގެ ގަސްތަކަށް ފެންދިނުމަށް ހަރުކޮށްފައި ހުރި ފެންއިސްކުރުން ފައި ދޮވެލިއެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ދެކުދިން ވެސް ލައިގެން ތިބި ޓީޝާޓުގެ ކޮޅާއި ލައިފައި ހުރި ކަށިމައްޗަށް އަރާވަރުގެ ހަރުވާޅުކޮޅުގެ ތިރީގައި ހިފާ ދެއަތުން ފެލާލިއެވެ.

“ޝަނޫ، މީ ކޮންގަޑިއެއް މަޖާ ހަދާކަށް، މިހާރު އެއޮއް މެންދުރު ކާގަޑިޖެހިގެން ދިޔައީ…” މަޖާތަށި މޮޑެން އިން ޝަނޫޒާއަށް މޫނިސާ ބުންޏެވެ.

“ކިހާ ދުވަހެއްވެއްޖެ މަޖާގަނޑެއް މޮޑެނުލާތާ… އެހެންނޫނަސް މިއަދު ހަވީރު މޫދަށްދާން އުޅުނީ، އެކަމަކު ރޭގައި ވެހެންފެށި ވާރޭ ހުއްޓާލާ ކަހަލަ ގޮތަކަށްނޫން އެ ވެހެނީ، މިހާ ފިނި ދުވަހެއްގައި ކުޅި މަޖާގަނޑެއް ކާލީމަ ވެސް ހީފިލާނެއެންނު” ޝަނޫޒާ މަޖާމޮޑުމުގައި ވަރަށް ގަޔާވެ އިނދެ ބުނެލިއެވެ.  ދެފަރާތަށް ބޯހޫރާލި މޫނިސާ އިތުރުއެއްޗެއް ބުނާކަށް ގަސްދެއްނުކުރިއެވެ.

ގޭތެރޭގައި އުޅުނު ޒީވާގެ ފޯނަށް ޝީރީން ގުޅާފައި ހުއްޓެވެ. އެހެންނަމަވެސް އޭނާ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ދެން ފެނުނީ ފޯނަށް ކުރި މެސެޖެވެ. އެ މެސެޖުގައި ލަބީބު، ޒީވާގެ ގާތުން އެނބުރި ގެއަށް އައުމަށް އެދިއްޖެކަމަށް ޝީރީން ބުނެފައި އޮތެވެ. އެހެންނަމަވެސް ޒީވާއަށް އެކަން ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. އޭނާގެ ބައްޕަ މާފުކުރިނަމަ ޚުދު އެ ބައްޕަ އޭނާއަށް ގުޅީހެވެ. އަދިވެސް އެ ފޯނުގައި އޭނާގެ ޢާއިލާ މީހުންގެ ނަންބަރު ފޮރުވާފައި އެބަހުއްޓެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެފައި ޒީވަ އެނދުގައި އޮށޯވެލިއެވެ.

“ބައްޕަ ދުވަހަކު ވެސް ޤަބޫލެއް ނުކުރާނެކަންނޭނގެ އަހަރެން ރަނގަޅުވެދާނެކަމަކަށް، އެހެންނޫންނަމަ މިހާ ދުވަހު ބައްޕަގެ މި ދަރިފުޅާ ވާހަކަނުދައްކާ ނުހުރީސް… މިހާރު ވެސް އަހަރެން ގެއަށް ގެންދަން ބޭނުންވެގެން އެ އުޅެނީ ބައްޕައެއްނޫން…” ޒީވާ މަޑުމަޑުން އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.

އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ދީމް އާއި ޒީވާއާ ދެމީހުން ޑިއުޓީއަށް ކެފޭއަށް ދިއުމަށް ނިކުތީ އެކީގައެވެ. ޑިއުޓީ ނިންމާފައި ގެއަށް އައީ ވެސް ދެމީހުން އެކުގައެވެ. ނަމަވެސް ތަފާތަކަށްވީ ރޭގަނޑު އެމީހުން ޑިއުޓީ ނިންމާފައި އައިސް ގެއަށް ވަންނައިރު ކާކު ނޭނގޭ އެ ޒުވާނާ ބެލްކަނީގައި ހުންނަ ކަމެވެ. މީގެ ކުރިން ޒީވާއަށް އެކަން ފާހަގަ ނުވީ ކީއްވެބާއޭ ހިތަށް އަރައެވެ. އެހެންނަމަވެސް އޭނާ ދީމް ގާތު އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އިތުރު ބައެއްގެ ސަމާލުކަމަށް އެކަން ގެންނަން ބޭނުންނުވަނީއެވެ. އެހެންނަމަވެސް އެހެން އެކަމެއް ނުވިއެވެ. ދުވަސްކޮޅަކު އެ މީހަކު ބެލްކަނީގައި ހުރެ ބެލުމުގެ ބަދަލުގައި ޒީވާ މަސައްކަތް ކުރާ ކެފޭއަށް ވެސް އަންނަން ފެށިއެވެ. އޭނާއަށް އެމީހަކު ފާރަލަނީކަން ޒީވާއަށް ޔަޤީންވުމުން ވެސް ދީމް ގާތު ބުނަން އޭނާ ޖެހިލުންވީއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެމީހަކު އައިސް ކެފޭގެ މޭޒު ދޮށުގައި ލެޕްޓޮޕް ހިފައިގެން މަސައްކަތް ކުރަން އިންނަތަން ދީމްއަށް ފާހަގަ ކުރެވެން ގިނަ ދުވަހެއް ނުނެގިއެވެ.

“އޭތް! އޭނާ މިހާރު މިތަނުގެ ރެގިއުލަރ ކަސްޓަމަރަކަށް ވެއްޖެ ދޯ” ދީމް ބުނިގޮތުން ޒީވާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.

“ދީމްއަށް އޭނާ އެނގޭތަ؟” ނިކަން އަވަހަށް ޒީވާއަށް އަހާލެވުނެވެ.

“އާން! އެއީ އަހަރުމެން ގޭދޮށުގައި އުޅޭ ސަޅި ބިޓެއްނު، ޒީ ނުދެކެންތަ؟ އޭނަ ވަރަށް ގިނައިން ހުންނާނެ ކޮފީ ބޯން ބެލްކަންޏަށް ނިކުމެ، ޒީ… އަޅެ ހިތްކިޔާ ގޮތެއް ނުހުރޭތަ އޭނައަށް… ހާދަ ފިރިހެނޭ ދޯ” ކެފޭގެ ކަނެއްގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ޒުވާނާއަށް ބަލަންއިނދެ ދީމް ބުނެލިއެވެ.

“އެހެންވީމަ އޭނާ ފާރަ އެލަނީ ކާކަށްބާ؟ އަނެއްކާ ދީމްއަށްތަ؟…. އެއީ ކާކުބާ؟” ޒީވާ ހިތާހިތުން ބުނެލިއެވެ.

“އޭތް! އޭނަ މި ދިމާލަށް ސިއްރުން ބަލާކަން އެނގޭތަ؟” ހިތްއަވަސް ވެފައި އިން މީހަކު ފަދައިން ދީމް ކުއްލިއަކަށް ޒީވާގެ އަތުގައި ހިފާ ބާރުކޮށްލަމުން ސިއްރުން ބުނެލިއެވެ.

“މީހުން މަސައްކަތްކުރަން މީ ކޮންތަނެއް؟ ކިތައް ކޮފީއަށް މިހާރު އޭނާ އޯޑަރ ދީފި، އެއަށްވުރެ މާ ރަނގަޅުވާނެ އެއްނު ގޭގައި ގޮސް އިނދެ މަސައްކަތްކުރިއްޔާ، މިތަނަށްވުރެ އަރާމު ވެސް ވާނެއެންނު” ޒީވާ އެހާ ގަޔާވާ މީހެއްކަމަކަށް އެމީހަކު ނުވިއެވެ. ދީމް ހައިރާންވީ އެކަމާއެވެ.

“މި ޒީއަކަށް ނޭނގޭނެ ފިރިހެނަކަށް ވާ ކަހަލަ ފިރިހެނެއް ފެނުނަސް، އަޅެ އެކަހަލަ މީހަކު ތިމާގެ ބޯއީފްރެންޑަށް ނޫނީ ހަޒްބަންޑަށް ވާން ބޭނުންނުވާނީ ކާކު، ބަލާލަން އެހާ ސަޅި، އުޅެނީ އެހާ ސަޅި ގެއެއްގައި” ހުވަފެނީ ގޮތަކަށް ދީމް ވާހަކަދެއްކިއެވެ.

“ތީ އަހަރެން ދައްކަން ބޭނުންވާ ވާހަކައެއްނޫން، އަހަންނަށް ކަމުދާ މީހުންގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު ދީމް ބޭނުން ވާ ކަހަލަ މީހަކު ދީމްއަށް ލިބުމަކީ އަހަރެން ވެސް އުފާވާނޭކަމެއް” ލުއި ހިނިތުންވުމެއް ޒީވާގެ ތުންފަތުގައި ދުވެލިއެވެ. އެވަގުތު މޭޒު ދޮށުގައި އިން ޒުވާނާ އަތްހިލާލާފައި ކައުންޓަރު ދޮށުގައި ތިބި ދީމް އާއި ޒީވާއަށް އިޝާރާތްކޮށްލިއެވެ.

“އަންނާނަން ގޮސްފަ… އަނެއްކާ ވެސް ކޮފީއެއް ބޭނުންވީ ކަންނޭނގެ” ރަކިގޮތަކަށް ހީނލާފައި ދީމް ހިނގައިގަތެވެ.

“ކޮފީއެއް ދޯ” ދީމް އައިސް މޭޒުކައިރީ ހުއްޓިލަމުން ބުނެލިއެވެ.

“އާން! ވާހަކައެއް އަހާލަންތަ؟” ޒުވާނާ ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.

“އަހަންނަށް ކިޔަނީ ދީމް…” ހެވިފައި ހުރެ ދީމް ބުނެލިއެވެ.

“އެހެންތަ! އެކަމަކު ނަން އަހާކަށް ނޫން އުޅުނީ، ނަންބުނީތީ ދެން ގޮވާލާނީ ނަމުން އިނގޭ، ދެން އޭނދަ ކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ؟” ޝައުގުވެރިވެފައި އިން ފަދަ ގޮތަކަށް އެ ޒުވާނާ ދީމްއާ ވާހަކަދެއްކިއެވެ.

“އެއީ ޒީ… އޭނާގެ ނަން އަހަންތަ ބޭނުންވީ” ދީމް ފަހަތަށް އެނބުރި ޒީވާއަށް ބަލާލަމުން ބުނެލިއެވެ.

“މުޅިއަކުން އެހެނެއްވެސް ނޫން، އަހަރެން ތި ދެކުދިންނަށް ޖޮބް އޮފަރއެއް ދީފިއްޔާ ޤަބޫލުކުރާނަންތަ؟ މިއޮތީ އަހަރެންގެ ކާޑު” ވަރަށް ފަރުވާތެރިކަމާއިއެކު އެ ޒުވާނާގެ އަތުގައި އޮތް ކާޑުކޮޅުގައި ހިފަމުން ދީމް އޭނާގެ މޫނަށް ބަލާލިއެވެ. އެފަދަ ފުރުޞަތެއް މީގެ ކުރިން ދުވަހަކު ވެސް މީހަކު ނުދެއެވެ. ކޮންކަހަލަ ވަޒީފާއެއްބާއޭ ދީމްގެ ހިތަށް އަރަންފެށިއެވެ.

“ތީ ސީރިއަސް ވާހަކައެއްތަ؟ ނޫނީ މިކަހަލަ ކެފޭތަކުގައި މަސައްކަތްކުރާ އަހަރުމެން ކަހަލަ އަންހެން ކުދިންގެ ކިބައިން ކަމެއް ބޭނުންވެގެން ދޭ ދަޢުވަތެއްތަ؟ ޤަބޫލުކުރަން ވަރަށް އުނދަގޫ…. ބައެއްގެ ހަޤީޤަތް ނޭނގި ވަޒީފާ ދޭން އުޅޭތީ ސުވާލު އުފެދޭ، ކަލޭގެ ބޭނުމަކީ ކޮބާތޯ އަހާލެވިދާނެތަ؟” ދީމްގެ މޫނުގެ ކުލަވަރާއިއެކު އޭނާގެ އަޑު ވެސް ބަދަލުވިއެވެ.

“އަހަންނަކީ ކޮން އާޓިސްޓެއްނޫން…. މައްސަލައެއްނެތް ކާޑުގައި އޮތް ނަންބަރަށް ގުޅާލިޔަސް، ތި ދެކުދިން ކާޑުގައި އޮތް އެޑްރެހަށް ބޭނުން އިރަކު އައި ނަމަވެސް އަހަންނާ ބައްދަލުވާނެ، ތީގައި ތިވަނީ އަހަރެންގެ އޮފީހުގެ އެޑްރެސް… ދީމް، އަހަރެން ހީކުރީ އަވަށްޓެރިންނަށްވީމަ ކޮންމެވެސް ވަރެއްގެ އިތުބާރެއް އަހަންނަށް ކުރާނެކަމަށް، ތިހާ ބުރަކޮށް މަސައްކަތާ ގަޔާވެގެން ކުރާ ކުދިންކޮޅެއް އަހަރެން ބޭނުންވަނީ” އެ ޒުވާނާގެ ވާހަކަދެއްކުމުގައި ހުރި ހަރުދާނާގޮތް ދީމްއަށް ވެސް ފާހަގަކުރެވުނެވެ. އޭނާ އަތުގައި އޮތް ކާޑުކޮޅަށް ބަލާލިއެވެ.

“ރާކިޒް… އޯކޭ… އަހަރެން ޒީއާ ވާހަކަދައްކާލާފައި ވަކި ޖަވާބެއް ދޭނަން” އިރުކޮޅަކު ކާޑަށް ބަލަހައްޓައިގެން ހުރެފައި އެ ކާޑުގައިވާ ނަމުން ދީމް އެ ޒުވާނާއާ މުޚާޠިބުކުރިއެވެ.

“އައި ވިލް ބީ ވެއިޓިންގ… ތޭންކްސް…” ރާކިޒު ހިނިތުންވެލަން މަސައްކަތްކުރަމުން ލޮލުގެ ހިމަކޮޅުން އަނެއްކާ ވެސް ޒީވާއާއަށް ބަލާލިއެވެ.

ދީމް އައިސް ޒީވާއަށް ރާކިޒުގެ ކާޑުދައްކާލިއެވެ. އަދި އޭނާ ދެއްކި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒީވާ ވަކި އެއްޗެއް ނުބުންޏެވެ. ދީމް މާނަ ކުރީ ރާކިޒުގެ އެ ދިން ފުރުޞަތާމެދު ޒީވާ ހިތްހަމަނުޖެހީކަމުގައެވެ. ޑިއުޓީ ނިންމާފައި ދެކުދިން އެކީގައި ގެއަށް އައިރު އާދައިގެ މަތިން މޫނިސާ ކާން ހަދައިގެން އިނެވެ. ޒީވާއަކީ ވެސް މިހާރު އޭނާގެ މަސްއޫލިއްޔަތެއް ކަހަލައެވެ. ދީމްއެކޭ އެއްގޮތަކަށް އޭނާއަށް އިތުރު އަންހެން ދަރިއަކު ލިބިފައިވާ ކަހަލައެވެ. ތާޒާ ވެލައިގެން ދީމް އާއި ޒީވާ އައިސް ކާމޭޒު ދޮށުގައި އިށީނުމާއެކު ރާކިޒުގެ ވާހަކަ ދީމް ފެށިއެވެ. ޒީވާގެ ހިތުގައި ރާކިޒުގެ ނިޔަތާމެދު ސުވާލު އުފެދޭއިރު ދީމްގެ ޚިޔާލު ތަފާތެވެ.

“ދެކުދިން ގާތު ވެސް މަންމަ ބުނަން ބޭނުމީ ނަސީބު އައިސް އަތުގައި ހިފީމައި އެކަމަށް ފުރަގަސްނުދެއްޗޭ، ކޮންމެ ކޮންމެ ފަހަރަކު މިކަހަލަ ރަނގަޅު ފުރުޞަތުތަކެއް ނުލިބޭނެ، މަންމަ އެއްޗެއް ނުބުނިކަމުގައި ވިޔަސް ތި ކެފޭގައި އަބަދު އުޅޭކަށް ނުފެނޭ، އެ ރާކިޒަކީ ހަމްދޫނުގެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ފިރިހެން ކުއްޖާ، އެމީހުންނަކީ މީހުންނަށް ވެސް ވަރަށް ހެޔޮ ބައެއް، އެހެންވީމަ މަންމަ ހައިރާނެއްނުވޭ ރާކިޒު ކަހަލަ ކުއްޖަކު ތިކުދިންނަށް ހެޔޮ އެދިގެން އެވަރުގެ ފުރުޞަތެއް ދިނުމުން…. އެކަމަކު ހައިރާންވަނީ ޒީވާ ޤަބޫލުނުވާންވީ ސަބަބެއް ނޭނގޭތީ، ޒީވާ އަދިވެސް ދެކެނީ އަހަރުމެންނަކީ ވަރަށް ދުރުބައެއްގެ ގޮތުގައި ދޯ، އެހެންވީމަތާ މި މަންމަގެ ގާތު ބުނަން ނުކެރޭ ވާހަކަ ހުންނާނީ، އަނެއްކާ މި މަންމަ ދޭ ޚިޔާލު ވެސް ކަމުނުދާނީ” މޫނިސާގެ ވާހަކައިން ޒީވާ ދެރަވިއެވެ.

ދެތިން ދުވަސް ފާއިތުވެ ދިޔައިރު ވެސް ދީމް އާއި އޭނާގެ ޢާއިލާ ބުނަމުން އައީ ރާކިޒު ދިން ފުރުޞަތު ޤަބޫލުކުރުމަށެވެ. ދީމް ހުރީ ޒީވާ އެކަމަށް ޤަބޫލު ނުވާތީ ރާކިޒަށް ޖަވާބެއްދޭން ނުކެރިފައެވެ. އަނެއްކޮޅުން ރާކިޒު ހުރީ އެމީހުންގެ ފަރާތުން ޖަވާބެއް ނާންނާތީ އެކަމަށް ކެތްތެރިކަން ކުޑަވެފައެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު ފެނި އޭނާއަށް ބުނެދޭންނޭނގޭ އިހުސާސްތަކެއް ކުރެވުނީތީ އޭނާ ބޭނުންވީ އެ އަންހެން ކުއްޖާ އޭނާގެ ގާތުގައި ހުރުމަށެވެ. އެ ހުރިހާ ކަމެއް އޮތީ ރާކިޒުގެ ހިތުގައި ފޮރުވާފައެވެ. އޭނާއަކީ ކަންކަން އެހާ ފަސޭހައިން ހާމަކުރާ ޒުވާނެއް ނޫނެވެ. ދުލުން ބަހެއް ބޭރުކުރާނީ ހާސްފަހަރު ވިސްނާފައެވެ.

ދަންވަރުގެ ހިމޭންކަމުގައި ސޯފާގައި އޮށޯވެލައިގެން އޮތް ޒީވާގެ ނަޒަރު ހުރީ ސިޓިން ރޫމުގެ ކުޑަދޮރުން ބޭރަށް ހުއްޓިފައެވެ. އޭނާ އެހެން އޮށޯވެލައިގެން އޮންނައިރު ތުނިތުނި ފަރުދާގެ ތެރެއިން ބުރު ހަމަވެފައިވާ ހަނދު ފެންނަން ހުއްޓެވެ. ނަޒަރު ހުރީ މައްޗަށް ހުއްޓިފަކަމަށް ވިޔަސް ޒީވާގެ ޚިޔާލުވަނީ އެހެންކަމަށް ހުސްވެފައެވެ. މަޑުމަޑުން ނޭފަތް އެތެރެއަށް ދަމާލުމާއެކު ލޮލުން ފޭބި ކަރުނަތިކި ފޮހެލިއެވެ. އެ މަންޒަރު ބަލަން ދުރުގައި މޫނިސާ ހުރިކަން ޒީވާއަށް އެނގުނީ އޭނާގެ އަޑުއިވުމުންނެވެ.

“ޒީވާ… އެކަނިމާ އެކަނި، މި ކަހަލަ ވަގުތަކު ކޮންކަމާ ދެރަވެގެންތަ ތި ރޮނީ، ވަރަށް ދުވަސްވެއްޖެ ޒީވާ ތި ހިތާމައެއް ކުރާތާ، މި މަންމައަށް ހަމަ ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީތަ، ތިހާ ޅައުމުރުގައި ހާދަހާ ބޮޑު ހިތާމައެކޭ ތިކުރަނީ” މޫނިސާގެ އަޑާއިއެކު ފުންމައިގެން ސޯފާއިން ތެދުވެ އިށީން ޒީވާގެ ގާތުގައި މޫނިސާ އައިސް އިށީނެވެ. އަދި ޒީވާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.

“އަހަންނަކީ މަންމައެއް ބައްޕައެއްނެތް ކުއްޖެއްނޫން، އެމީހުން ދުނިޔޭގައި އެބަތިބި… އަހަންނަކީ ވިޔާނުދާ ކުއްޖެއް ވެސް ނޫން، އެހެންނޫންނަމަ ދީމްގެ މަންމައަށް ނޭނގިއެއް ނުދާނެ…” އިސްޖަހާލައިގެން އެތައްއިރަކު އިނދެފައި ޒީވާ ބުނެލިއެވެ.

“ކާކުތަ ބުނީ ޒީވާއަކީ ވިޔާނުދާ ކުއްޖެކޭ، ތީ ބަސްއަހާ ވަރަށް އަޙުލާޤު ރަނގަޅު ކުއްޖެއް، ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް މި މަންމައެއް ޤަބޫލެއް ނުކުރާނަން” މޫނިސާގެ ފަހު ޖުމްލައާއެކު ޒީވާ ގެނެސް ގަޔާ ކައިރިކޮށްލީ މައިވަންތަކަމުން ފުރިގެންވި ފަދަ ގޮތަކަށެވެ. ޒީވާއަށް އިތުރަށް އެއްވެސް ވާހަކައެއް ހިތަކު ނުފޮރުވުނެވެ. މޫނިސާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ހިތްފުރެންދެން ރޯލިއެވެ. މިއަދު މޫނިސާއަކީ ޝީރީން ނެތްނަމަވެސް ޒީވާއަށްޓަކައި އެފަދަ މަންމައެކެވެ. އަކްމަލްގެ ވާހަކައިން ފެށިގެން ޒީވާގެ ހަޔާތުގައި މިހާތަނަށް ދިމާވި ކެތްކުރަން އެންމެ ދަތިވި ކަންތައްތައް ޒީވާ، މޫނިސާއަށް ކިޔައިދިނެވެ. މޫނިސާއަށް ހުރިހާ ކަމެއް އެނގުމުން އޭނާ އެއްވެސް ސުވާލެއް ކުރުމެއްނެތި ޒީވާގެ ބަސް ތެދުކުރިއެވެ. އެކަނިމާއެކަނި ހުރިހާ ކަމަކާ ކުރިމަތިލުމަށް ޒީވާ ނެގި ފިޔަވަޅުގެ ސަބަބުން އެ އަންހެންކުއްޖާގެ ހިތްވަރުގަދަކަން މޫނިސާ ހައިރާންކުރުވިއެވެ. ތުންފަތަށް ވެރިވިގެން ދިޔަ ހިތްހަމަޖެހުމުގެ ހިނިތުންވުމާއެކު މޫނިސާ، ޒީވާގެ ބޮލުގައި ފިރުމާލިއެވެ.

“ޒީވާއަކީ މި މަންމައާ މިހާތަނަށް ދިމާވި އެންމެ ހިތްވަރުގަދަ އަންހެން ކުއްޖާ، ދުނިޔެއާ ގޮންޖަހާލަން ތިހާ ޅައުމުރުގައި ކޮންމެ އަންހެން ކުއްޖަކަށް ނުކުރޭނެ…. މި މަންމަގެ ވެސް ނެތްކަންނޭނގެ ތިހާ ކެރޭނޭ ކުއްޖަކު، މާޒީއާ މެދު ނުވިސްނާށޭ މަންމައެއް ނުބުނާނަން، އެ މަޒީއިން އިބްރަތް ލިބިގަންނަންވީ، އެކަކަށް ވެސް ނޭނގޭނެ އޭނާގެ ތަޤުދީރު ރޭވިފައިވާ ގޮތެއް، ފަހަރެއްގައި ޒީވާ އެންމެ ބޭނުންވާ ގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެހިނގައިދާނެ، ﷲ ކަންކަން މޮޅަށް ދެނެވޮޑިގެންވޭ، ޒީވާ ހުރިހާކަމެއް ވަކީލު ކުރަންވީ އެކަލާނގެއާ، އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެކަން ޔަޤީން، ޒީވާގެ ޢާއިލާއާ އަދި ބައްދަލުވާނެ، އެހެންވީމަ ތިޔަހެން ވިސްނާ ފިކުރުކުރުމުގައި ވަގުތު ހޭދަކުރުމަށްވުރެ މުސްތަޤުބަލަށްޓަކައި ކުރިއަށްއަޅާ ފިޔަވަޅު ހުއްޓުމަކަށް ގެނައުމަކީ މޮޔަކަމެއް، އެއަށްވުރެ މި މަންމަ ދެކެނީ ޒީވާއަކީ މާ ވިސްނޭކުއްޖެއްގެ ގޮތުގައި… ފަހަތަށް ބަލަމުން ކުރިއަށް ހިނގާނީ ކިހިނެއް، ހުއްޓޭ ކޮންމެ ފަހަރަކު ގެއްލިގެންދާނީ ކިތައް ފުރުޞަތު…. އިންސާނުންނަށް ބޮޑެތި ކަންތަކާ ދިމާވާނެ، އެކަމަކު ހަށީގައި ނޭވާ ހިނގާހާ ހިނދަކު ހަޔާތް ހުއްޓުމަކަށް ނާދެއެއްނު، ދަންވަރުގެ ވަގުތުގައި މިގޮތަށް އެކަނިވެ ފިކުރުކޮށް ރޯތަން ޒީވާގެ ފަރާތުން ދެން ނުފެންނާނެކަމަށް މަންމަ ހީކުރަން” އޯގާތެރިކަމާއެކު ޒީވާގެ ދަތްދޮޅީގައި ހިފައި އެ މޫނު އުފުލާލަމުން މޫނިސާ ހިނިތުންވެލިއެވެ.

މުޅިން އައު ދުވަހަކަށް އުދަރެސް އަލިވަމުންދިޔައިރު ޒީވާ އޮތީ ނުނިދިފައެވެ. މޫނިސާގެ ނަޞޭޙަތަށް ޢަމަލުކުރަން އޭނާ ބޭނުމެވެ. އެކަމަކު އަމިއްލަ ނަފުސަށް ޔަޤީންކަންނެތީ އަކްމަލްގެ ހަނދާންތަކާ އޭނާއަށް ދުރުވެވިދާނެކަމާމެދުއެވެ. އެހެންވިޔަސް އެހިތުގައި އަކްމަލްގެ ލޯބި ކަފުންކުރަން އޭނާ ބޭނުންވިއެވެ.

“ޒީ… ޒީ… ދޮރުހުޅުވަބަލަ….” ޒީވާ ސިހިގެން ދިޔައީ ދޮރުގައި ދީމް ތަޅައިގަތް އަޑަށެވެ. ހޭލެވޭގޮތަށް އަވަހަށް އެ ކޮޓަރިއަށް ދީމް އަންނާނެކަން ޒީވާއަށް އެނގެއެވެ. އެހެންނަމަވެސް ރޭގައި އޭނާއަށް ކޮޓަރި ތަޅުލެވުނީ އެކަނިވެލަން ބޭނުންވެފައި ހުރިވަރުންނެވެ.

“ކީއްތަތިކުރަނީ؟” ދޮރުހުޅުވާލުމާއެކު ކޮޓަރިތެރެއަށް ދެމިގަތް ދީމް އަހާލިއެވެ. އަދި އައިގޮތަށް އައިސް ޒީވާގެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ.

“ދީމް، އަދިވެސް ބޭނުންތަ ރާކިޒްދިން އޮފާރ ޤަބޫލުކުރަން” ދޮރު ހުޅުވާލަން ދޮރުގައި ހިފަހައްޓާލިގޮތަށް ޒީވާހުރެ މަޑުމަޑުން ބުނެލިއެވެ.

“އޯ މައި ގޯޑް…. މިއަދު ކޮންކޮޅަކުން މިގޭ މީހުންނަށް އިރުއެރި ދުވަހެއްތަ؟ އަހަރެން ފެންނައިރަށް މަންމަ މިއަދު ޒީއަށް ތަޢުރީފުކުރާވަރުން ހީވަނީ އެހެންފަދަ ކަމެއްހެން…. ޒީ ވެސް ހީވަނީ އެހެންމީހެއްހެން، އަޅެ ބުނަބަލަ… ޒީ ބޭނުންވޭތަ ރާކިޒުގެ އޮފާރ ޤަބޫލުކުރަން، އޭނާގެ އޮފީހުގައި މަސައްކަތް ކުރަން ކެރޭނެތަ؟” ކުރުއަތްމައްޗަށް އޮތް ދީމް އަހާލިއެވެ.

“ދީމްގެ މަންމަ ވެސް ބޭނުންވަނީ އަހަރުމެން ރަނގަޅު ވަޒީފާއަކަށް ދާން ދޯ، މަންމަމެން ބުނާ ބަސް އަހަންވާނެއެއްނު، ކެފޭގައި އެ ހުރިހާ ފިރިހެނުންތަކު ތެރޭގައި އިނުމަށްފަވުރެ އޮފީހެއްގައި އިނދެ މަސައްކަތްކުރުން ރަނގަޅު ކަންނޭނގެ، އަނެއްކާ ދީމްއަށް ވެސް އެނގެއެއްނު މިއުޅޭ މީހުންގެ ގޮތް، ހަޤީޤަތް ނޭނގުނަސް ލޮލަށް ފެންނަ ކަންކަން ޤަބޫލުކުރާލެއް އަވަސްވާނެ، އަހަރުމެން އެ ކެފޭގައި މަސައްކަތް ކުރާތީ މީހުން ފާޑުފާޑުގެ ހުތުރު އެއްޗެހި ކިޔައެންނު، ދީމްތާ ބުނަނީ ވެސް އެހެން މީހުންކިޔާހާ އެއްޗަކަށް އަޅާލާނެކަމެއްނެތޭ، އެހެންވީމަ އެކަހަލަ އަޑުތައް އިވުން ކެނޑިގެންދާނެ ދޯ އޮފީސް މާޙައުލެއްގައި މޭޒެއްގެ ދޮށުގައި އަހަރުމެން ދެމީހުން މަސައްކަތް ކުރަން ތިބީމަ….” ޒީވާގެ ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް އޭނާގެ ވާހަކަތައް ދީމްއަށް ވަރަށް ކަމުދިއައެވެ.

“އެހެންވެޔޭ މަންމަ އެ ބުނަނީ، ޒީ ހާ ވިސްނޭކުއްޖަކު ނުހުންނާނެއޭ، ސައިބޮއެގެން އެންމެ އަވަހަށް ވެސް ކުރާނެކަމަކީ ރާކިޒަށް ގުޅުން” އުފަލުން އެނދުންތެދުވެ ނަށައިގަތް ދީމް އައިގޮތަށް އައިސް ޒީވާގެ ގައިގާ ބައްދައިގަތެވެ.

“ހޫން! ފެންވަރަން ދާންއުޅޭ…” ހިނިތުންވެލި ޒީވާ ސަމާސާ ގޮތަކަށް ގަޔާ ދުރަށް އޭނާ ކޮށްޕާލިއެވެ.

* * * *

“އެއީ ކާކުތަ؟” ކެބިންނަށް ވަދެގެން އައި ޝުހައިލް މާނަފުން ގޮތަކަށް އަހާލިއެވެ. އެހިނދު ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން އިން ރާކިޒު ގޮނޑި ގޮނޑި އަނބުރާލަމުން ޝުހައިލްއާ ކުރިމަތިލިއެވެ.

“ކޮންއިރަކު އައީ؟” ޝުހައިލް ބުނިއެއްޗެއް އަޑުއިވުނެއްކަމަކު އެ ސުވާލަށް ރާކިޒު ޖަވާބުދޭން ބޭނުންނުވާ ކަހަލައެވެ.

“އަހަރެން ކެބިންގެ ދޮރު ހުޅުވާލީމަ ވެސް ރާކިޒަށް ނޭނގުނު ދޯ، އެހެންނު ވާނީ މިފަހަކަށް އައިސް މި އޮފީހުގައި ފެންނަން އިންނަނީ ހަމައެކަނި ރާކިޒުގެ މަސްގަނޑު ވިއްޔާ…. ނާ ދެން ބުނެބަލަ، ކޮންކުއްޖެއްތަ ރާކިޒަށް ތިހާވަރުކޮށްގެން ތި އުޅެނީ” ރާކިޒުގެ ކުރިމަތީ ހުރި ގޮނޑިއެއްގައި ޝުހައިލް އިށީންނަމުން އަހާލިއެވެ.

“ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ ޝުހައިލް ކަމަކުތަ ތިއައީ….” ރާކިޒުގެ ފިރިހެންވަންތަ ހިނިތުންވުން އޭނާގެ އެތައްކަމެއް ސިއްރުކޮށްދިނެވެ.

“އެއްބަސްވާން ބޭނުންނުވަންޏާ ނުވިޔަސް އޯކޭ، އަހަރެން ޖަދަލެއްނުކުރާނަން…. މިއައީ ހުސްވެފައި އޮތް ދެ މަޤާމަށް އަދިވެސް ކުއްޖަކު ނަގާކަށް ނުވޭތޯ އަހަންވެގެން، މަސައްކަތްތައް އެހެރީ މަޑުޖެހިފައި، ޢިއުލާންކުރީމަ އެތައް ބައިވަރު ސިޓީއެއް އެބަހުރި ލިބިފައި، އެއިން އެއްވެސް ސިޓީއަކަށް ރާކިޒު ޖަވާބުދޭން ބޭނުންނުވާހެން އަހަންނަށް ވަރަށް ހީވޭ، އަނެއްކާ ނިއު ޕްރޮޖެކްޓެއް ވެސް ރާކިޒު މިހާރު ނުނަގާ” ޝުހައިލް ބުންޏެވެ.

“ތިކަމަށް ވަރަށް އަވަހަށް ހައްލެއް ގެންނާނަން…. ރަނގަޅު ބްރޭންޑެއް ނުލިބޭތީ ޕްރޮޖެކްޓެއްގައި ނުހިފަން މިހުންނަނީ، ޝަކުވާ ނުކޮށް ހިނގާބަލަ ކޮފީއެއް ބޯލަން، އަހަރެން ދޭނަމޭ” މިހެންބުނެ ރާކިޒު ގޮނޑިން ތެދުވިއެވެ. އޭނާއަށް ދޮރުން ނުނިކުމެވެނީސް ފަޓުލޫނު ޖީބަށް ލީ ފޯނު ރަނގަބީލު އަޅަން ފެށިއެވެ. ނުދަންނަ ނަންބަރެއްކަމުން އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ރާކިޒު މަޑުކޮށްލިއެވެ. ހީވީ ކާކުގެ ނަންބަރެއްތޯ ހަނދާންކޮށްލަން މަޑުކޮށްލީ ހެންނެވެ.

“ހެލޯ…” ރާކިޒު ޔަޤީންނުވެ ހުރެ ފޯނުން ވާހަކަދައްކަމުން ޝުހައިލްއާއެކު އޮފީހުން ނިކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އޭނާ ހުއްޓިއްޖެއެވެ.

“ޝުހައިލް، މީ ވަރަށް މުހިންމު ކޯލެއް، ސޮރީ އިނގޭ، މިއަދު އިތުރު ކަމެއްނެތެއްނު، ރާކިޒު ދާންވީނު ގެއަށް، އެކަމަކު މިރޭ އަހަރުމެން ގެއަށް ޖައްސާލައްޗޭ” މޭގައި ފޯނު ޖައްސާލައިގެން ހުރެ ރާކިޒު މިހެން ބުނުމުން ޝުހައިލް ހީނލާފައި ބޯޖަހާލިއެވެ. އަދި އޮފީހުން ނިކުންނަން ހިނގައިގަތެވެ. ރާކިޒު އެނބުރި އައީ އޭނާގެ ކެބިންނަށެވެ.

“ކަމިންގ…” ގޮނޑީގައި ހަމަޖެހިލަމުން ރާކިޒުގެ ކެބިންގެ ދޮރުގައި ޓަކިދިނުމުން ބުނެލިއެވެ. އެއާއެކު އޮފީހުގައި އުޅޭ ކުއްޖަކު އައިސް ރާކިޒްއާ ބައްދަލުކުރަން ދެއަންހެން އައިސް ތިބި ވާހަކަ ބުނެއެވެ. ރާކިޒު ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލުމުން އޭނާ އެމީހުން އެތަނަށް ވެއްދިއެވެ.

“އިށީނދޭ…” ކޮޅަށް ތެދުވެ ހުރި ރާކިޒު ހިނިތުންވުމަކާއެކު ކުރިމަތީ ހުރި ދެގޮނޑިއަށް އަތްދިއްކޮށްލިއެވެ.

“މިހާ ދުވަސްވީމަ ހީކުރީ މިކަހަލަ ވަޒީފާއެއް ބޭނުން ނޫނީ ކަމަށް، އެހެންވިޔަސް ޖަވާބު ލިބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ” ރާކިޒު މިހެން ބުނުމުން ދީމް އޭނާ އާއި ޖެހިގެން އިން ޒީވާއަށް ބަލާލިއެވެ. އެހިނދު ރާކިޒުގެ ނަޒަރު ވެސް ޒީވާއަށް ހުއްޓިގެން ދިޔައެވެ. އަދި ދީމްގެ އެ ހަރަކާތުން ރާކިޒަށް ކަމެއް އެނގުނެވެ. މިހާ ދުވަހު އޭނާއަށް ޖަވާބެއް ނުލިބުނީ ޒީވާ ނުރުހޭތީކަމެވެ. ކުރިން ވެސް ރާކިޒަށް އެހެންހީވެފައި އޮތްކަހަލައެވެ. ވަޒީފާއާ ބެހޭގޮތުން ރާކިޒު ވާހަކަދައްކަން ފެށިއެވެ.

“ދެންމެ ވަދެފައި އެ ދިޔައީ މާހިދު، އޭނާ ކިޔައިދޭނެ ކުރަންޖެހޭ މަސައްކަތްތައް، މިވީ ދުވަސްކޮޅުތެރޭ ކުއްޖަކުނެތީމަ މަސައްކަތްތައް ހުރީ މަޑުޖެހިފައި، ހީވަނީ ދެތިން ދުވަހު އިތުރުގަޑީގައި މަޑުކޮށްލަނިކޮށް ނިންމާލެވޭނެހެން، އަސްލު އެހާ ގިނަ މަސައްކަތެއް ނުހުންނާނެ ކުރާކަށް، ވަޒީފާ ދިންކަމުގެ ލިޔުން މާދަމާ ޝުހައިލް ހަވާލުކުރާނެ، އާން! އަދި ހަނދާން ނެތުނީ…. ޝުހެއިލް އެއީ އަހަރެންގެ ދަށުން ކަންކަން ނިންމަން ހުންނާނެ ވެރިޔާ…” ރާކިޒު ބޭނުންވީ ވަޒީފާދޭފަރާތުގެ ގޮތުގައި ހުރެ ވާހަކަދެއްކުމަށެވެ. އެކަމަކު އޭނާގެ ލޯ ހީވަނީ ކިޔަމަންނުވެގެން އުޅޭ ހެންނެވެ. މާ އަވަސް އަވަހަށް ޒީވާއަށް ބެލެނީއެވެ. އޭނާއަށް ޒީވާ ކަމުދަނީ ކީއްވެކަމެއް ނޭނގެއެވެ. ބޭއިޚްތިޔާރުގައި ވިޔަސް ރާކިޒުގެ ހިތް އޭނާގެ އަމިއްލަ ޒާތުން ވީއްލިގެން ހިނގައްޖެއެވެ. އަމިއްލަ ހަރަކާތްތައް އޭނާއަށް ނުހުއްޓުވޭ ހިސާބަށް ދިއުމުގެ ކުރިން ރާކިޒު ބޭނުންވީ އެ ބައްދަލުވުން ނިންމާލާށެވެ. އެހެންވިޔަސް ޒީވާގެ ނަޒަރު ކުއްލިއަކަށް ސީދާ ވުމުން ރާކިޒުގެ އަރުތެރެ ހިކިގެން ދިޔަކަހަލައެވެ. ވާހަކަދައްކަން އުނދަގޫވި ކަހަލަ ގޮތްތަކައެއްވުމުން ފުންނޭވާއަކުން އޭނާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ.

“ވާހަކައެއް ބުނަން ބޭނުން…” ރާކިޒު އިތުރު އެއްޗެއް ނުބުނުމުން ޒީވާ މަޑުމަޑުން ބުނެލިއެވެ.

“އަވަހަށް ބުނޭ…” އެ އަޑުއަހާލާ ހިތުން ކެތްމަދުވެފައި އިންކަހަލަ ގޮތަކަށް ރާކިޒަށް ބުނެލެވުނެވެ. ހީވީ މީގެ ކުޑަ ހިނދުކޮޅެއް ކުރިން އޭނާގެ ދުލުގައި ޖެހުނު ގޮށް މޮހެވިގެން ދިޔަ ހެނެވެ.

“ބޭނުންވުމުން ވަޒީފާ ދީފައި، ބޭނުންނުވާ ދުވަހަކުން މި ވަޒީފާ އަޅުގަނޑުމެން އަތުން އަތުލުމުގެ އިޚްތިޔާރު ތިބޭފުޅާއަށް ލިބިގެންވޭ، އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ވަޒީފާގެ މައްޗަށް، އެ ވަޒީފާއަކުން ލިބޭ އާމްދަނީގެ މައްޗަށް، އެހެންވީމަ ވަޒީފާ ނުގެއްލޭނެކަމުގެ ގެރެންޓީއެއް ނުވަތަ މި ވަޒީފާ ދެމި އޮންނާނެ މުއްދަތެއް ކަނޑައަޅައި ވަޒީފާދޭ ލިޔުމުގައި އެކަން ބަޔާންކޮށްދެއްވައިފިނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން….” ޒީވާ މިހެން ބުނުމުން ރާކިޒުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިތަން ފެނުނެވެ.

“ތިކަން ހަމަޖައްސައިދޭނަން… އަދި އިތުރުކަމެއް އެބަ އޮތްތައް؟ ނެތްނަމަ މާހިދު އާއިއެކު މި އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ބަލާލަން ދާންވީނު، ނޫނީ ރަސްމީކޮށް މާދަމާ ފެށިޔަސް އެންމެ ރަނގަޅު، މާހިދު އެއީ ދީމް އާއި ޒީ… ޒީގެ މަސައްކަތްތައް ބަލާނެ މީހަކީ” ރާކިޒުގެ ދުލުން ޒީވާގެ ނަން ކިޔަން ފަސޭހައެއްނުވިއެވެ. އަވަސް އަވަހަށް އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އިސްއުފުލާލަމުން ހިނިތުންވެލިއެވެ. ދީމް އާއި ޒީވާއަށް ރާކިޒުގެ އެ ހަރަކާތުން އެމީހުންނާއި ރާކިޒު ދައްކަން ޖެހޭ ހުރިހާ ވާހަކައެއް ދައްކާ ނިމުނީކަން އެނގުނެވެ.

“އަޅުގަނޑު… އަޅުގަނޑުމެން ދާނީ މާހިދުގެ ގާތުން ބައެއް ކަންކަން އޮޅުން ފިލުވާލައިގެން، އޭރުން މާދަން އައިސް މަސައްކަތްތައް ފަށައިގަނެވޭނީ” ދީމްއަށް ރާކިޒާއި ވާހަކަދައްކާއިރު އަޅުގަނޑު ކިޔަން އުނދަގޫވިއެވެ. ވަޒީފާ ލިބެން މެދުވެރިވި ގޮތުންނާއި ރާކިޒަކީ ކުރިއްސުރެ ގޭ ދޮށުން ފެންނަ ޒުވާނަކަށްވުމުން ކުއްލިއަކަށް އެއީ ދީމްގެ ވެރިޔާކަމުގައި ބަލައިގަންނަން އުނދަގޫވީއެވެ. އެއަށްވުރެ ރާކިޒު ހީވަނީ ހެޔޮއެދޭ ރަޙުމަތްތެރިއެއް ހެންނެވެ.

ރާކިޒު އޭނާގެ އިންޓަކަމް މެދުވެރިކޮށް މާހިދު އެ ކެބިންނަށް ގެނައެވެ. އަދި ދީމް އާއި ޒީވާއަކީ އޭނާގެ ދަށުން ހުސްވެފައި އޮތް ދެ މަޤާމުގައި މަސައްކަތް ކުރާނެ ދެ ކުދިން ކަމުގައި ރާކިޒު ބުންޏެވެ. އެހެންވީމަ އެމީހުންނަށް ކުރަންޖެހޭ މަސައްކަތްތައް އޮޅުން ފިލުވާލަދިނުމަށް ރާކިޒު އެދުނެވެ. މާހިދު ލަސްކުރުމެއްނެތި ދީމް އާއި ޒީވާ ގޮވައިގެން އެ ކެބިން އިން ނިކުތެވެ. ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އިން ރާކިޒަށް އިށީނދެ އިން ބޮޑު ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފާލެވުމާއިއެކު ދޮރުން ނިކުންނަން ދިޔަ ޒީވާއަށް އެސްފިޔަޖަހާލުމެއްނެތި ބަލަން އިނދެވުނެވެ. ދިއުމުގެ ކުރިން ހަމަ އެންމެ ފަހަރަކު ބަލާލާނެ ކަމަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޒީވާ އެނބުރި ރާކިޒަށް ބަލާލުމުން އޭނާގެ މޭގައި ފޮރުވިފައި އޮތް ހިތް އުފަލުން ނަށައިގަތް ކަހަލައެވެ. ކުރެވުނު އިހްސާސްގެ މޮޔަކަން ހިތަށްއަރާފައި ރާކިޒު އަވަސް އަވަހަށް އިސްޖަހާލަމުން އޭނާގެ ތުންފަތަށްވެރިވި ހިނިތުންވުން ފޮރުވާލިއެވެ.

ގެއަށް އައިސް ވަދެވުމާއެކު ދީމް އުފަލުން ޒީވާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ވަޒީފާއާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް ޒީވާގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި ހުރި ކަހަލަ ގޮތެކެވެ. އޭނާ ދީމްގެ ކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. އެވަގުތު އޮފީހުން ގެއަށް އައިސް ޝާނޫޒާ ވަނެވެ.

“ކޮބާ!… އިންޓަރވިއު ކިހިނެއް؟” ސިޓިން ރޫމުގައި ތިބި ޒީވާ އާއި ދީމް ފެނި ޝާނޫޒާ ވަގުތުން އަހާލިއެވެ. އެއާއެކު ދީމް ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

“އެކަމަކު މާދަމާ ކިހިނެއް ނިކުންނާނީ؟” ކަންބޮޑުވެފައި ޒީވާ ބުނެލިއެވެ. ދީމް އާއި ޝާނޫޒާގެ ސަމާލުކަން ވަގުތުން ޒީވާއަށް ހުއްޓުނެވެ.

“މާދަމާ ކިހިނެއްވީ؟” ޝަނޫޒާ އަހާލިއެވެ.

“ޝަނޫ ދައްތާ، މި ދީމް އެއްވެސް ކަމަކާ ނުވިސްނާ، ކެފޭ އިން ކެނޑެންވާނީ އާމިރު ގާތު ބުނެފައި އޭނާއަށް ދެތިން ދުވަސް ދީފައެންނު، ކުއްލިއަކަށް ވަކިވީމަ އޭނާއަށް ވެސް ކިހާ ގެއްލުންވާނެ، ކިހިނެއް އެހާ އަވަހަށް އައު ކުއްޖަކު ގެންނާނީ… އަނެއްކާ އާމިރު އަހަރުމެންނަށް އެހާ ރަނގަޅު އިރު ނުވާނެ އެއްނު އޭނާއަށް އަންގާ ވެސް ނުލާ ވަޒީފާއިން ވަކިވާކަށް، އެ ވާހަކަ ބުނާށޭ އަހަރެން ރާކިޒުގެ ކެބިންއިން ނިކުންނަމުން ހުއްޓުނީ، އެކަމަކު ރާކިޒު ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ބުނަން ނުކެރުނީ…. އަހަރެން ހީކުރީ ދީމް އެކަން ރާކިޒު ގާތު ފާހަގަ ކުރާނެކަމަށް” ޒީވާގެ ވާހަކައާ މެދު ދީމް ވިސްނާލިއެވެ.

“ޖޮބް ސަޅިކަމުން އަހަރެން ހަނދާންނެތުނީ… އާމިރަށް އަހަރުމެން ކެނޑެން އުޅޭކަން އެނގިއްޖެއްޔާ ބުނާނީ ކީކޭކަމެއް ވެސް ނޭނގޭ، ފަހަރެއްގައި ހިތްހަމަ ނުޖެހިދާނެ، ދެން ކިހިނެއް ހަދާނީ” ދީމް ބަލާލީ ކައިރީގައި ހުރި ސޯފާގައި އިން ޝާނޫޒާއަށާއި ގާތުގައި އިން ޒީވާއަށެވެ.

“ތިހާ ވަރަށް ހާސްވާންޖެހޭވަރު ކަމެއް ނޫނޭ އެއީ، މިހާރު ވެސް ވަޒީފާއެއް ބޭނުންވެފައި ތިބި އެތައް ކުދިންނެއް އެބައުޅޭ، އެހެންވީމަ އާމިރަށް ވެސް ވަޒީފާއަށް ކުއްޖަކު ލިބިދާނެ، އޭނާއަށް ވެސް އެނގޭނެ އެ ކެފޭއަށްވުރެ ރަނގަޅު ވަޒީފާއެއް ލިބިއްޖެއްޔާ ދީމްމެން އެތަނުން ހިނގައިދާނެކަން، އެކަމާ ނުވިސްނާ…. ބުނޭ އެހެން ތަނަކުން ވަޒީފާ ހަމަޖެހުނީއޭ، ބާކީ އޮތް ދުވަސްތަކުގެ މުސާރައެންނު ނުދޭނީ، އެ ނުލިބުނަސް އޯކޭ އެއްނު، އޭނާއަށް ގުޅާބަލަ… އަހަންނަށް ދެރަވީ މިއަދު ވެސް ކެފޭއަށް ނިކުތީމަ، މިއަދު މީ ގޭގައި އޮންނަން ޖެހޭ ކަހަލަ ދުވަހެއްނު” ޝާނޫޒާ ބުންޏެވެ.

“ރާކިޒު ބުނީ ހަވީރު ގުޅާލާށޭ، އެހެންވެ އަހަރެން ބުނީއޭ ދީމް ގާތު ހެނދުނު ކެފޭއަށް ނިކުންނަން ހިނގާށޭ، އޭރުން މިއަދުގެ މުސާރަ ވެސް ލިބޭނެއެއްނު، ޝަނޫ ދައްތާ، އަހަންނަށް ފެންނަނީ އަހަންނާ ދީމް އާއި ދެމީހުން އާމިރު ގާތަށް ގޮސް މި ޚަބަރު ދިނުންކަންނޭނގެ އެންމެ ރަނގަޅު ގޮތަކަށް ވާނީ” ޒީވާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“އަވަހަކަށް މަރެއް ނުވާނެ…. ބަލާބަލަ، މިއޮއްގުޅަނީ އާމިރު، އަހަރުމެން ނައިސްގެން ކަންނޭނގެ” ކުއްލިއަކަށް ދީމް ހުރެފައި އޭނާގެ ފޯނު ދައްކާލަމުން ބުންޏެވެ.

ޝަނޫޒާގެ ޚިޔާލާއިއެކު ދީމް އާއި ޒީވާ ކެފޭއަށް ދިޔައެވެ. އަދި އާމިރާ ބައްދަލުކޮށް އެމީހުން އެތަނުގެ ވަޒީފާއިން ވަކިވަން ނިންމިކަމުގައި ބުނެއެވެ. އާމިރުގެ ވާހަކަތައް ހުރި ގޮތުން އޭނާ ދީމް އާއި ޒީވާ އެތަނުން ވަކި ކުރާކަށް ބޭނުމެއްނުވެއެވެ. މުސާރާ މަތިކޮށްދޭނަން ކަމުގައި ވެސް އާމިރު ބުންޏެވެ. އެހެންނަމަވެސް ޒީވާމެންނަށް އިތުރު ގޮތެއް ނެތެވެ. ރާކިޒު ގާތު ވެވުނު އެއްބަސްވުން ރޫޅާލެވޭކަށް ނެތެވެ. އޭނާ ވެސް ހުރީ އެމީހުން ވީހާ ވެސް އަވަހަކަށް ވަޒީފާއަށް ނެރެން ބޭނުންވެފައެވެ. ދާން ތިބި ބައެއް ނުހުއްޓުވޭނެކަން އާމިރަށް ވިސްނުނެވެ. އޭނާ ދެކުދިންނަށް ވެސް ތަޢުރީފުކުރިއެވެ. މަސައްކަތްތެރި ދެކުދިންނަށް ދީމް އާއި ޒީވާ ވީމައެވެ. މުސްތަޤުބަލް އުޖާލާވާނެކަމުގެ އުންމީދު އޭނާ ދިނެވެ. އޭގެ އިތުރުން އެނބުރި އަންނަން ބޭނުންވެއްޖެނަމަ އޭނާއަށް ގުޅުމަށް ބިޒްނަސް ކާޑު ދެކުދިންނާ ހަވާލުކުރިއެވެ. މަސައްކަތް ކުރި ދުވަހުގެ މުސާރަ ކުރިއަށް އޮތް ހަފްތާ ތެރޭ ދެކުދިންނަށް ހަވާލުކުރާނަން ކަމުގައި ބުންޏެވެ. ހިތްހަމަޖެހިގެން ތިބެ ދީމް އާއި ޒީވާ ކެފޭއިން ނިކުތެވެ. ދެބެން ފަދައިން އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ތިބެއެވެ. ޒީވާ ވަށައިގެން ފެންނަމުން ދިޔަ މަންޒަރަށް ލޯހިންގާލިއެވެ. ދުރުނޫން ހިސާބުގައި ހުރި ގެސްޓުހައުސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ އޭނާގެ ފެށުމެވެ. މިއަދު ހީވަނީ އޭނާގެ ހަޔާތުން މުޅިން އައު ބާބެއް ފެށެން އުޅެނީހެންނެވެ. އެ ދުވަހު ރޮމުން ވިޔަސް ކުރިއަށް ފިޔަވަޅު އެޅުނީތީ ޒީވާ އުފާކުރެއެވެ. ލޯބިވާ މީހުން ގާތުގައި ނެތްކަމުގައި ވިޔަސް އެމީހުންގެ މަތިން ޒީވާ އަބަދުވެސް ހަނދާންކުރާނެއެވެ. ތުންފަތުގައި ދުވެލި ލުއި ހިނިތުންވުމަކީ ވަގުތީ ހިނިތުންވުމެކެވެ. އިސާހިތަކު ޒީވާގެ މޫނުމަތިން ހުރިހާ އިހްސާސެއް ކެނޑިގެން ހިނގައްޖެއެވެ. ހީވަނީ އޭނާގެ ހިތުގެ މައްޗަށް މަޖުބޫރުކުރި ހެނެވެ. އެ ހިތް އޭނާ ބަލިކަށިކޮށްލަފާނޭ ކަމަށްޓަކައެވެ.

އިރުއޮއްސުނު ތަނާހެން މޫނިސާ އައިސް ގެއަށް ވަނެވެ. ސޯފާގައި ދީމް އޮށޯވެލައިގެން ބިސްކޯދު ޕެކެޓެއް ކާން އޮތްއިރު، ޖެހިގެން ހުރި ގޮނޑީގައި ޒީވާ އޭނާގެ ގަމީސްކޮޅެއްގައި ގޮށެއް ހަރުކުރަން އިނެވެ. ދެން ހުރި ގޮނޑިއަށް ދެފައި އަރުވައިގެން ޝަނޫޒާ ޓީވީ ބަލަން އިނެވެ.

“ބަލަ ބަންގިގޮވި އަޑުވެސް ނީވޭތިތަ ތި ތިބެނީ…. ވުޟޫކޮށްގެން ނަމާދަށް އަރަން ދާންއުޅޭ” އަރައިގެން ހުރި ފައިވާން ނަގާ ދޮރުކައިރީ ހުރި ކަބަޑަށް ލަމުން މޫނިސާ ބުނެލިއެވެ.

“ހަނދާންނެތުނީއޭ މަންމާ” ފުންމައިގެން ތެދުވި ދީމް ބުނެލިއެވެ. ޒީވާ ލޯތްބާއިއެކު މޫނިސާއަށް ބަލާލިއެވެ. މަދުވަގުތުކޮޅަކަށް ވިޔަސް ޒީވާއަށް ހީވީ އޭނާގެ ކުރިމަތިން ޝީރީން ސިފަވިހެންނެވެ. އަތުގައި އޮތް ގަމީހާއި ފަހާ ސަމާނު ގޮނޑިމަތީ ބަހައްޓާފައި ދީމްގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ. ދީމްއަށްވުރެ ދެއަހަރު ޒީވާ ހަގު ނަމަވެސް ޒީވާގެ ހަރަކާތްތައް ފެންނަ މީހަކަށް އެ ހަޤީޤަތް އޮޅޭނެކަން ގައިމެވެ.

އިޝާ ނަމާދުން ފައިބައިގެން ސިޓިން ރޫމަށް މޫނިސާ ނިކުތީ ރޭގަނޑު ކާން ހަދަން ވަގުތުކޮޅެއް އޮތުމާއެކުއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓެއްކަމަކު އެ ގަޑިއަކީ އޭނާ އަރާމުކުރަން ބޭނުންނުވާ ވަގުތެކެވެ. އެނދުގައި ޖައްސާލާތަނާ ނިދިދާނެތީއެވެ. އޭރުން އެރޭގެ ނިދި ގެއްލޭނެތީއެވެ. މޫނިސާގެ ލޮލުގައި ޒީވާ ގެންގުޅުނު ގަމީސް އަޅައިގަތެވެ. އައިގޮތަށް އައިސް އެ ގަމީސް ނަގާ ފަތުރާލިއެވެ.

“ޒީވާގެ ހެނދުންތައް ވަރަށް ބާވެއްޖެ، ގޮށްތައް ވެސް މިހިރީ ކުލަވެއްޓިފައި…” އަތުގައި އޮތް ގަމީސްކޮޅަށް ބަލަންހުރި މޫނިސާގެ ހިތަށްއެރިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް އެހެން ޚިޔާލެއް ވެސް އައެވެ. ހަމައެވަގުތު ގޭތެރެއިން ދީމްގެ އަޑުއިވުނެވެ. ޒީވާ ހުންނާނީ މާދުރަކު ނޫންކަން މޫނިސާއަށް އެނގޭތީވެ އަވަހަށް ގަމީސްކޮޅު ގޮނޑިމަތީ ބާއްވާފައި އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.

“ކިޔެވިންތަ؟” ދީމް ފެންނައިރަށް މޫނިސާ އަހާލިއެވެ. ނިކަން އަވަހަށް ދީމް އާނއެކޭ ބުނެލިއެވެ. ޝަނޫޒާ ވެސް އައިސް އެމީހުންގެ ތެރޭގައި ހަމަޖެހިލިއެވެ. މޫނިސާ އަހަންވާއިރަށް ވާޒީފާ ހަމަޖެހުނުކަމުގެ ޚަބަރު ދީމް އޭނާއަށް ދީފިއެވެ.

“އޭރު ވެސް މަންމައަށް އެނގެޔޭ ރާކިޒަކީ ސަމާސާ ކުރާނޭ ޒުވާނެއް ނޫންކަން” މޫނިސާގެ ބަހުގައި ޔަޤީންކަން އެކުލެވިފައިވިއެވެ. އޭނާ ޝާނޫޒާއަށް ބަލާލަމުން ވާހަކަދައްކަން ފެށިއެވެ.

“ޝަނޫ، ދަރިފުޅު ދާންވީނު ދީމް އާއި ޒީ ގޮވައިގެން މިރޭ ބާޒާރުކޮށްލަން، އޮފީހަކަށް ދާއިރު ރީތި ހެނދުންކޮޅެއް ވެސް ބޭނުންވާނެ އެންނު، މަންމަ ހިތްހަމައެއް ނުޖެހޭ މިހާރު ދީމް ލާ ޓޮޕުކޮޅުތައް ލައިގެން އޮފީހަށް ދާން، ޒީވާ… ދަރިފުޅަށް އެނގޭނެ ވަރަށް ރީތިކޮށް ހެދުން އަޅަން، ދީމްއަށް ގުޅޭނޭކަހަލަ އެއްޗެހި ގަންނައްޗޭ، އޭނާ ބޭނުންހާ އެއްޗެއް ނޫން އިނގޭ ގަނެދޭނީ” މޫނިސާ ބުނެލިއެވެ.

“އަހަރެން އަދި ހެދުމެއް ގަންނާކަށް ބޭނުމެއްނޫން… އެކަމަކު ދީމްގެ ހެދުންތައް ބަދަލު ކުރަން އެބަ ޖެހޭ…” ޒީވާ ބުނެލިއެވެ. ގޮނޑިން ތެދުވެގެން ދިޔަ މޫނިސާ ފެނިފައި ހުރިހާ ކުދިން ވެސް ހައިރާންވިއެވެ. އޭނާ ގިނައިރެއްނުވެ އެނބުރި އައީ ސިޓީއުރައެއް ހިފައިގެންނެވެ. އަދި އައިސް ޒީވާގެ އަތަށް ދިއްކޮށްލިއެވެ. ޒީވާ ސިޓީއުރައިގެ ތެރެ ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް މޫނިސާއަށާއި ދެންތިބި މީހުންނަށް ބަލާލެވުނެވެ.

“މީ ކޮން ފައިސާއެއް… އަހަރެން… އަހަރެން އަތަށް ކީއްވެ؟” ހައިރާންވެފައި އިނދެ ޒީވާ އެހިއެވެ.

“ތީ ދަރިފުޅުގެ ފައިސާ، ކޮންމެ މަހަކު ދަރިފުޅު ދީމް އަތަށް ދޭ ފައިސާ…. ޒީވާއަކީ މިގޭގައި ކުއްޔަށް ހުންނަ ކުއްޖެއްނޫން، ތީ އަހަރެންގެ ދަރިން ފަދަ ދަރިއެއް، މި މަންމަ ކިހިނެއް ދަރިފުޅުގެ އަތުން ކުލި ނަގާނީ…..” މޫނިސާ ބުނިއެއްޗަކުން ޝަނޫޒާ ވަރަށް އުފާވިއެވެ. ބޯޖަހާލީ ފަހުރުވެރިކަމާއިއެކު އެއީ އޭނާގެ މަންމައޭ ބުނާ ފަދަ ގޮތަކަށެވެ.

“ޒީ ކުލި ދައްކާތީ ހީވަނީ އަހަރުމެން މާ ދުރުކޮށްލާހެން، ދޯ މަންމާ” ޝަނޫޒާ ބުނެލިއެވެ.

“އާން! މިހާރު ކިތަންމެ ފަހަރަކު ބުނެފިން ޒީވާގެ އަތުން މަންމަ އެކައްޗެއް ވެސް ބޭނުމެއްނޫނޭ، އެހެން ދަރިން ފަދައިން މިގޭގައި ޒީވާއަށް ވެސް ހުރިހާކަމެއް ކުރެވެން ހުންނާނޭއޭ، ކީއްކުރާނީ… އެއަށްވުރެ ބޯހަރު ކުއްޖެއްމީ” މޫނިސާ ހިނިތުންވެލިއެވެ.

“މީ އަހަރެން ހެޔޮ ހިތުން ދޭ އެއްޗެއް، ދީފައި އަތުލާކަށް ނުކެރޭނެ” ޒީވާ ސިޓީއުރަ މޫނިސާއަށް ދިއްކޮށްލަމުން ބުނެލިއެވެ.

“މަންމަގެ ހެޔޮކަމުގެ އަގު ޒީވާ ދޭހެން ހީވަނީ، ހިތަށް ވަރަށް އަސަރުކުރޭ އެހެންވެ، މިއީ ވެސް ޒީވާގެ މަންމައެއްކަމުގައި ހީކުރާނަމަ މަންމައަށް މިގޮތަށް ފައިސާ ނުދީ… މި ފައިސާ އިން ދަރިފުޅު އޮފީހަށް ދާން ބޭނުންވާނެ އެއްޗެހި ގަނޭ، މަންމައަށް ފެނޭ ޒީވާގެ ހެދުންތައް ބާވެ ކުލަވެއްޓިފައި ހުންނަތަން، ޒީވާ ގޮވައިގެން ގޮސް ބައިވަރު ހެނދުންތަކެއް ގެނެދޭހާ ފެންވަރެއް ނެތް، އެހެންނޫންނަމަ އެކަން ކުރާނީ އެގޮތަށް، ނަސީބަކުން މި ފައިސާ ހުރުމުން އެކަން ވެސް ފުރިހަމަވެއްޖެ” މޫނިސާއާ ޖަދަލު ކުރުމަކީ ޒީވާއަށް ފަސޭހަކަމެއް ނޫނެވެ.

“އެހެންވީރު މިރޭ ދީމް އާއި ޝަނޫ ދައްތަ ވެސް ބާޒާރު ކުރާނީ މި ފައިސާއިން، އެ ނޫން ގޮތަކަށް ނުކެރޭނެ މި ފައިސަ ޚަރަދުކުރާކަށް” ޒީވާ އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލަމުން ބުންޏެވެ. މޫނިސާ އެކަމާ އެއްބަސްވުމުން ޒީވާ ސިޓީއުރަ ދިނީ ޝަނޫޒާގެ އަތަށެވެ. އެހާ ބައިވަރު ފައިސާ ޒީވާގެ އަތުގައި ބަހައްޓަން އޭނާ ބޭނުންނުވަނީއެވެ.

ރޭގަނޑު ނުވައެއް ޖަހާލާކަން ހާއިރު ބާޒާރު ކުރަން ނިކުތް ތިން މީހުންނަށް ކަމުދާ ކަހަލަ އެއްޗެހި ލިބުނެވެ. މޫނިސާ ބުނިހެން ދީމް ބޭނުންހާ އެއްޗެއް ގަންނަން ޒީވާ އާއި ޝަނޫޒާ އެއްބަހެއް ނުވިއެވެ. އެކަމާ އޭނާ ހުރީ ކުޑަކުއްޖަކު ފަދައިން ތުންދަމާފައެވެ. ކޮތަޅުތައް ހިފައިގެން ފިހާރައަކަށް ވަން ތަނާހެން ޝާނޫޒާގެ ގާތް އެކުވެރިއަކާ ދިމާވިއެވެ.

“ހާދަ ބާޒާރެއްތިކޮށްލަނީ؟ ކޮންކަމެއް؟” ޔަޝްފާ އަހާލިއެވެ.

“ޔަޝްތަ… މި ކޮއްކޮމެންނަށް ބާޒާރުކޮށްލަނީ” ޝަނޫޒާ މިހެން ބުނުމުން ޔަޝްފާ ހައިރާންވެފައި ޒީވާއަށް ބަލާލިއެވެ. މީގެ ކުރިން އޭނާއަށް ޒީވާ ފެނިފައެއްނުވެއެވެ. ކުރިން ވެސް އޭނާއަށް އެނގެނީ ދީމްއަކީ ޝަނޫޒާގެ ކޮއްކޮކަމެވެ.

“މިވެސް ޝަނޫގެ ކޮއްކޮއެއްތަ؟ މީގެ ކުރިން ތިގެއަކުން ނުފެނޭ” ޝަނޫޒާ، ޒީވާ އެގެއަށް އައިކަމެއް އެކަކު ގާތު ވެސް ނުބެނެއެވެ. އެހެންވެ އެންމެ ގާތް އެކުވެރިޔާއަށް ވެސް އެކަން ނޭނގުނީއެވެ. ނަމަވެސް އެވަގުތު ޒީވާއަކީ ކާކުކަން ޔަޝްފާއަށް ބުނެދޭން ޝަނޫޒާ ބޭނުމެއްނުވިއެވެ.

“އެއީވެސް މަގޭ ކޮއްކޮއެކޭ، ދެން ފަހުން ދޯ…” ޝަނޫޒާ ބުނެލިއެވެ. އެހިނދު ކުއްލިއަކަށް ފިހާރައިގެން ބިއްލޫރިގަނޑުން ދުވާރުކައިރީ ސައިކަލުގައި މަޑުކޮށްލައިގެން އިން އަދީލު ޝަނޫޒާގެ ލޮލުގައި އަޅައިގަތެވެ.

“އޭތް! ބަލާބަލަ…. އޭނާ މިތަނުގައި ކީއްކުރަނީ” އަވަސް އަވަހަށް ޝާނޫޒާ، ޔަޝްފާގެ އަތުގައި ހިފާ ފަހަތަށް އަނބުރާލަމުން ބުނެލިއެވެ.

“ނޭނގެ މަށަކަށް، މި ފިހާރަތެރެއަށް އޭނާ އެ ބަލަނީ، އަހަރެން ބުނީމެންނު އޭނާ އަދިވެސް އަހަންނަށް ފާރަލާ ވާހަކަ، ވެދާނެ ފާރަލަމުން އައީ ކަމަށް ވެސް” ޔަޝްފާ ބުނެލިއެވެ.

“ވަރަށް ފޫހިވޭ… ޔަޝްފާއަށް ވެސް ނުކެރޭވިއްޔާ އޭނާއަށް ބަވާލާކަށް، އެހެންނު ވާނީ އަދިވެސް އޭނާދެކެ ލޯބިވޭ ވިއްޔާ، ކިހާ ދުވަހަކުތަ ތިހެން ހުންނާނީ، އެނގެއެންނު އޭނާ ރަނގަޅެއް ނުވާނެކަން، އެނގިއެނގިހުރެ އެކަހަލަ މީހަކަށް ފުރުޞަތުދެނީ ކީއްކުރަން، އަދި އެވެސް ދެވަނަ ފުރުޞަތެއް، އޭނާ ހެދިގޮތް ޔަޝް ހަނދާންނެތުނީތަ” ޝަނޫޒާ ބުނެލިއެވެ.

“ދެން ތިވާހަކަ ދައްކާނީ މިތާކު ނޫން ދޯ…. އަހަރެން ދެން ދަނީ، ހެނދުނުން އިރާދަކުރެއްވިއްޔާ ދިމާވާނެއެއްނު ދޯ” ޔަޝްފާ އާއި ޝަނޫޒާގެ ވާހަކައަށް ދީމް އާއި ޒީވާގެ ސަމާލުކަން ހުއްޓިފައި ހުރުމުން އަވަހަށް ވާހަކަ އޮއްބާލިއެވެ. އެވަގުތު ފިހާރައިގެން ބިއްލޫރިގަނޑުން ބޭރަށް ދީމް އާއި ޒީވާއަށް ވެސް ބަލާލެވުނެވެ. ސިހިގެން ދިޔަ ޒީވާގެ އަތުން ހުރިހާ ކޮތަޅުތަކެއް ދޫވިގެންދިޔައެވެ. ބިރުން ރޫރޫއަޅާލި ކަހަލައެވެ. ގާތުގައި ހުރި ދީމް، ޒީވައަށް ގޮވާލުމާއިއެކު ތިރީގައި ހުރި ކޮތަޅުތައް ނަގަން އުޅެން ފެށިއެވެ. ޒީވާ އޭނާއަށް ވީގޮތް ފޮރުވާލަމުން ދީމްއަށް އެހީތެރިވާން ފެށިއެވެ. އޭރު ވެސް ޝަނޫޒާއަށް ހުރެވުނީ އަދީލަށް ބަލާށެވެ.

* * * *

މަގުގައި ހެދިފައި އޮތް ދިގު ކިއުގައި އަދީލުގެ ސައިކަލު މަޑުކޮށްލި ވަގުތު އޭނާއަށް ފެނުނީ ޤަބޫލުކުރަން ދަތިވި މަންޒަރެކެވެ. ފިހާރައިގެ ތެރޭގައި ޒީވާ ހުރިއިރު ކުރިއަށް ވުރެވެސް ޒީވާ ރީތިކަމަށް އަދީލުގެ ހިތް ބުންޏެވެ. ނަމަވެސް ހާސްކަން ވެރިވެގެންދިޔައީ ފުރަގަސްދީގެން ހުރި ޔަޝްފާ އާއި އޭނާގެ ކުރިމަތީ ހުރި ޝަނޫޒާ ފެނުމުންނެވެ. ޒީވާއާ އެއްތާކު އެމީހުން ތިބެދާނެކަމަކަށް އަދީލު ހިތަކަށް ނާރައެވެ. ޒީވާގެ ގާތުގައި ހުރި ދީމް އަދީލަށް ފެނުނީ ދެނެވެ. ހައިރާންކަމާއި އެއްވަރަށް އޭނާގެ ސިކުނޑި ސުވާލުތަކުން ފުރުނު ކަހަލައެވެ. ދީމްއަކީ ޝާނޫޒާގެ ކޮއްކޮކަން އަދީލަށް އެނގެއެވެ. ނަމަވެސް އެމީހުންނާއި ޒީވާއާ އޮންނަ ގުޅުމެއް އެނގެން އަދީލު ބޭނުންވިއެވެ. ޔަޝްފާ ނިކުމެގެން ދިއަތަން ފެނި އަދީލު އިރުކޮޅަކު މަޑުކޮށްލީ ޝަނޫޒާ އާއިއެކު ޒީވާ ނިކުމޭތޯ ބެލުމަށެވެ. އެހެންނަމަވެސް ޝަނޫޒާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ މަޑުކުރަނީ އަދީލު އެތަނުން ދަންދެންކަން އެނގުނެވެ. އަދީލު ސައިކަލު ސްޓާޓުކޮށްލުމާއެކު ދުއްވާލީ ޔަޝްފާގެ ފަހަތުން ދިއުމަށެވެ.

“ޔަޝް… ޔަޝްފާ…” ފަހަތުން އައިސް ސައިކަލުގައި މަޑުކޮށްލަމުން އަދީލު ގޮވާލިއެވެ. ޔަޝްފާ މަޑުކޮށްލި ނަމަވެސް އަދީލަށް ޒީވާއަކީ ޝާނޫޒާގެ ކާކުތޯ އަހާކަށް ނުކެރުނެވެ. ފަހަރެއްގައި ޔަޝްފާގެ ސަމާލުކަން ޒީވާއަށް ހުއްޓިދާނޭތީވެއެވެ. އޭރުން އޭނާ ގޮސް ޝަނޫޒާ ގާތު އެ ވާހަކަދައްކާނެކަން އަދީލަށް ޔަޤީންވާތީއެވެ. އެހެންވެ ދުރުދުރުން ޔަޝްފާއާ ވާހަކަދައްކަން ފެށިއެވެ. ކިތަންމެ ފަހަރަކު އަދީލާ ދެން ވާހަކައެއް ނުދެއްކުމަށް އަޒުމު ކަނޑައެޅި ނަމަވެސް އެކަމެއް ޔަޝްފާއަކަށް ނުވިއެވެ. އަދީލު ފެންނައިރަށް އޭނާއަށް ވާގޮތެއް ނޭނގެއެވެ. ބޭއިޚްތިޔާރުގައި އަދީލުގެ އަތްމައްޗަށް އޭނަގެ ނަފުސު ދޫކޮށްލެވޭ ކަހަލައެވެ.

ރޭގަނޑުގެ ނިދިން އަދީލު އެއްކިބާ ކުރުވީ ޒީވާގެ ޚިޔާލުތަކެވެ. އަކްމަލް އާއި ދެމީހުން ދުރުވެއްޖެކަން އަދީލަށް ޔަޤީން ކުރެވެނީ އޭނާގެ ކޮއްކޮގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. އަކްމަލް އެވަނީ ސަލާމަތްނުވޭވަރުގެ އަނދަވަޅަކަށް އަމިއްލައަށް ފުންމާލާފައެވެ. މަރުގެ ތުންފަތްމައްޗަށް އަމިއްލައަށް ހާޟިރުވާން މަސައްކަތްކުރަނީއެވެ. ދުނިޔެ މަތިން ފޫހިވެފައެވެ. ޚާއްޞަކޮށް ޒީވާގެ މަތިން އޭނާ ފޫހިވެއްޖެކަމުގައި އަދީލަށް ހީކުރެވުނެވެ.

“އަކްމަލް ގާތު ޒީވާގެ ވާހަކަ ބުނުމުން ވާގޮތެއް އެނގިދާނެއެންނު، އޭނާ ހިޔެއްނުވޭ ޒީވާގެ މަތިން އެއްގޮތަކަށް ވެސް ވިސްނާހެނެއް، އެހެންވިޔަސް ނޭނގޭނެ، އޭނާގެ މޫޑު ބަދަލުކޮށްލަން މީ ރަނގަޅު ކަމެއް….” ނުބައިގޮތަށް ހިނިއައިސްފައި އޮތް އަދީލު ހިތަށް އެރިއެވެ. އެނދުން ތެދުވެގެން އަކްމަލްގެ ކޮޓަރިއަށް ދިއުމަށް އަދީލު ނިކުތެވެ. ނަމަވެސް އޭނާއަށް އަކްމަލް ފެނުނީ ބެލްކަނީގެ ތަޅުންމަތީ އޮށޯވެލައިގެން އޮއްވައެވެ. ބޯދަށަށް ދެއަތް ލައްވާލައިގެން ދިމާ މައްޗަށް ބަލަހައްޓައިގެން އަކްމަލް މަޑުމަޑުން އޮތެއްކަމަކު އޭނާ އޮންނާނީ މަސްތުވާތަކެތި ބޭނުންކޮށްގެންކަން އަދީލަށް އެނގެއެވެ. އެހެންވެ އޭނާގެ ފަރާތުން ކުއްލިއަކަށް އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވެ ހުރެ އަދީލު، އަކްމަލްގެ ގާތަށް އައެވެ. އަދި އެތަނުގައި ހުރި ޕްލާސްޓިކު ގޮނޑިތަކުން ގޮނޑިއެއް ގެނެސް އަކްމަލްގެ ކައިރީ ބަހައްޓަމުން އިށީނެވެ. ގޮނޑީގެ ލެނގޭބައިގައި ދެއަތްއަޅުވާލުމާއިއެކު އޭނާ އަކްމަލްއަށް ގޮވާލިއެވެ. ނަމަވެސް އޭނާ އަނގައިން ނުބުނި ތަނުގައި ބަލާވެސްނުލިއެވެ.

“އޭތް! ކަލެއާ އޭ މަ މި ވާހަކަދައްކަނީ، އަހަންނަށް އެނގޭ ކަލެއަށް އަޑުއިވޭނެކަން… އަހަރެން މިރޭ ޒީވާ ދުށިން، އޭނާ މިހާރު ކުރިއަށް ވުރެ ވެސް ރީތި ހެން ހީވަނީ…. ވާހަކައެއް އަހާލަންތަ؟ މިހާރު އަކްމަލް އާއި ޒީވާއާ ދެމެދު އެއްވެސް ގުޅުމެއް ނޯވޭ ދޯ” އަދީލުގެ ދުލުން ޒީވާގެ ނަން އިވުމާއިއެކު އަކްމަލްއަށް ބަލާނުލައެއް ނޯވެވުނެވެ.

“ޒީވާ ވަރަށް ހެޕީހެން ހީވަނީ، އޭނާ މޫވް އޮން ކުރީ ދޯ…. އަކްމަލްއަށް ނުވެސް ގުޅާތަ؟” ކުއްލިއަކަށް އަކްމަލް ތެދުވުމާއިއެކު ސިހިފައި އަދީލަށް ގޮނޑި ފަހަތަށް ޖައްސާލުމާއިއެކު އަކްމަލްއާ ދުރަށް ޖެހިލެވުނެވެ.

“އަހަންނަށް ފެނުނު އެއްޗެއް މިބުނީ، ޒީވާ އުޅެނީ ބިޓެއް ނަގައިގެން….” އަކްމަލް ކޮށްފާނެކަމަކަށް ޖެހިލުންވެފައި ހުއްޓެއްކަމަކު މަކަރުވެރި ގޮތަކަށް އަދީލު ބުންޏެވެ.

“ކަލޭ ތިއުޅެނީ މަގޭ އަތުން މަރުވާ ހިތުންތަ؟ ޒީވާ ކޮންމެ ކަމެއް ކުރިޔަސް އެއީ އޭނާގެ އަމިއްލަ ކަމެއް، އެކަމަކު ކަލޭ އޭނާއާ ވައިއެޅިލިޔަސް މަ ބުނާ ބަހުގެ ތެދުކަން ކަލެއަށް އެނގޭނެ، ދެވަނަ ފަހަރަށް މި ދުނިޔެއަށް ނޭވާލާކަށް ކަލެއަކަށް ނުކެރޭނެ، ކޮށާ ކުދިކުދި އަރުވާލާނަން… އަޑުއިވިއްޖެތަ؟ އެހެންވީމަ ތި ދޫ ބުރިކޮށް ނުލަނިސް ޒީވާގެ ނަންވެސް ނުގަނެ ހަމަ މިހާރު މިތަނުން ރައްކާވޭ…” ރުޅިވެރި ގޮތަކަށް އަދީލަށް ބަލަހައްޓައިގެން ހުރެ އަކްމަލް އިންޒާރު ދިނެވެ. އެއާއެކު އަދީލު ފަހަތަށް ޖެހިލަމުން ދަތްދޮޅީގައި އަތްހާކާލީ މިކަން މި ކުރެވުނީ އަދި ރަނގަޅަކަށް ނޫނޭ ހީވެއެވެ. އަކްމަލްއަކީ މިހާރު ކުރީގެ އަކްމަލްއަށް ވެދާނެކަމަށް ހީކުރެވުމަކީ އަދީލުގެ މޮޔަކަމެވެ. މިހާރު އޭނާގެ ކުރިމަތީ ހުރި އަކްމަލްއަކީ ކޮންމެކަމެއް ވެސް ކުރަން ކެރޭވަރުގެ ޖެހިލުން ކުޑަ އިންސާނެކެވެ. މިހާރު ވެސް އޭނާގެ އަތުގައި ހަތިޔާރެއް ނެތްކަމެއް ނޭނގެއެވެ. ބުއްދިވެރި ގޮތަކީ އެވަގުތު އެ ތަނުން ދިއުން ކަމުގައި އަދީލަށް ވިސްނޭތީ އެނބުރި އޭނާގެ ކޮޓަރިއަށް އައެވެ.

ބެލްކަނީގައި ދެއަތްއަޅުވާލުމާއިއެކު އަކްމަލް އިސްޖަހާލިއެވެ. އެއާއެކު ދެން ފެނުނީ އޭނާގެ މަރާލެވިފައިވާ ދެލޮލުން ކަރުނަ ފައިބަން ފެށިތަނެވެ. އަދީލު ދެކެ ކިތަންމެ ރުޅި އައިކަމުގައި ވިޔަސް އޭނާ ބުނެފައި އެދިޔަ ބަސްތަކުން އަކްމަލްގެ ހިތް ރޮއްވާލައިފިއެވެ. ބަލިކަށި މީހަކަށް އޭނާ ހަދައިފިއެވެ. ހިތާއި އެތައް ޝަކުވާއެއް ކުރެވެން ފެށުނެވެ. ޒީވާ އޭނާގެ މަތިން ހަނދާންނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިޔައީތީ އޭނާ ދެރަވަނީއެވެ. މިއަދު ޒީވާގެ އުފަލާއި ހިތްހަމަޖެހުމަކީ އަކްމަލްގެ އުފަލާއި ހިތްހަމަޖެހުމަށް ހަދަން ބޭނުންވިޔަސް އެކަން ކުރަން ފަސޭހައެއް ނުވިއެވެ. މަޑުމަޑުން ދެލޯ ފުހެލުމާއިއެކު ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އަކްމަލް ބަލާލިއެވެ. އޭނާގެ ކަރުނުން ފުރެމުންދިޔަ ދެލޯ ދައުރުވަމުންދިޔަ ވައިގެ ކައިރީ އޭނާގެ ހިތުގެ ވާހަކަ ޒީވާއާ ހަމައަށް ފޯރުކޮށްދިނުމަށް އެދި އާދޭސްކުރާކަހަލައެވެ. ނަމަވެސް އެ ވައިރޯޅިތައް ވެސް ބީހީލާފައި ދަނީ އޭނާގެ ހާލު ނޭނގޭކަމަށް ހެދިގެންނެވެ. ސިކުނޑި ފަޅައިގެން ހިނގައިދާނެހެން ހީވުމުން އަކްމަލް ވަގުތީ ހައްލެއް ޚިޔާރު ކުރިއެވެ. އޭނާ މުޅިން އެހެން ދުނިޔެއަކަށް ގެންދިއުމަށް އެހީތެރިވާ ބައިވެރިޔަކީ އެއީއެވެ. މަސްތުކަމެވެ. އެއީ ވަގުތީ ހިތްހަމަޖެހުމެއް ލިއްބައިދޭ ބައިވެރިއެއް ނަމަވެސް އަކްމަލްއަށް މިހާރު އެގޮތް ވެސް ކަމުދެއެވެ. އެ ނުބައި ޢަމަލު ހިންގުމުގައި ދެމި ހުންނަން އޭނާ ބޭނުންވަނީ ވެސް އެހެންވެއެވެ. އެ ޚާލުގައި އޭނާ ހުންނަ އިރު ޒީވާގެ ސޫރައާ ވަކިވާކަށް ނުޖެހެއެވެ. ޝަކުވާ ކުރާކަށް ނުޖެހެއެވެ. ލޯބިން ހިތްފުރިދާ ކަހަލައެވެ.

އެނދުގައި އެއްފުށަށް ޖެހިލާފައި އަނެއްފުށަށް ޖެހިލާފައި އަކްމަލް އުޅެއެވެ. ކޮޓަރީގެ ދޮރު މީހަކު ހުޅުވިކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެ ކޮޓަރިތެރެއަކު އެއްވެސް އަލިކަމެއް ނެތުމުގެ ސަބަބުން ވަދެގެން އައި މީހަކީ ކާކުކަން އަކްމަލްއަށް އެނގުނީ އޭނާގެ ގައިގާ ހިފާ ކޮޅަށް ޖަހަމުން އެ މީހަކު ވާހަކަދެއްކީމައެވެ.

“އަހަރެން ނިންމައިގެން އަކްމަލް ރީހެބަށް ފޮނުވާލަން” ވާފިރު ބުނެލިއެވެ. އަދި އެނދު ކައިރީ ހުރި މޭޒުމަތީ ލައިޓު ޖައްސާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރޭ ވާފިރަށް އަކްމަލްގެ ރަތްވެފައި ހުރި ދެލޯ ފެނުނެވެ. އޭނާ ވާފިރު ކިޔާ އެއްޗަކަށް އަޅައެއްނުލައެވެ. ކޮޅަށް ނަގާއިރަށް އެނދުގައި އޮށޯވެއެވެ. މިހާރު ވެސް އަކުމަލް އެ ހުރީ ހަމަހޭގައި ނޫންކަން ވާފިރަށް އެނގުނެވެ. އެހެންވެ މިވަގުތު އަކްމަލް އާއި އެއްވެސް ވާހަކައެއް ދެއްކުމަކީ ބޭކާރުކަމެކެވެ. އިރުކޮޅަކު އެނދުގައި ބަންޑުން އޮތް ދަރިފުޅާ ދިމާލަށް ބަލަން އިނދެފައި ވާފިރު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

“މިރޭ ވެސް ބޭރަށް ދަނީތަ؟” ނުނިދިފައި އޮތް ނަބީހާއަށް އެއްޗެހި ބަދަލުކޮށްލައިގެން ވާފިރު ކޮޓަރިން ނިކުންނަން އުޅެންފެށުމުން އަނގައިން ނުބުނެއެއް ނޯވެވުނެވެ.

“އާން! ދަނީ…” ނަބީހާއަށް ބަލާލުމެއްނެތި ވާފިރު ބުނެލިއެވެ.

“އިހަށް މަޑުކޮށްބަލަ…. ވާފިރު، ކިހިނެއްތަ ތިއުޅެނީ، ދަރިން އެއުޅެނީ އުޅޭނެ ގޮތަކަށް، މިހާރު ވާފިރު ވެސް ހަމައެހެން، އަހަރެން ގޭގައި އިންނަކަން ވާފިރު ހަނދާނެއް ނުހުރޭ ކަންނޭނގެ، ވާފިރަށް އެނގޭތެ އަހަރުމެންގެ ޒަމާންވީ ކައިވެންޏަށް ދުރުކަމެއް އަންނަމުން ދާކަން، މީ ކީއްވެގެން އައިސްގެން އުޅޭ ދުރުކަމެއްކަން އަހަންނަށް ބުނެދީބަލަ…” ނަބީހާ ތެދުވެ އިށީންނަމުން ބުންޏެވެ.

“އިތުރަށް ނަބީހާ ގާތު އަހަރެން ދައްކާނެ އައު ވާހަކައެއްނެތް، މިހާ ދުވަހު އަހަރެން ދެއްކި ވާހަކަތައް ނަބީހާ އަޑުއެހިނަމަ މިއަދު ތި ސުވާލެއް ނުކުރާނެ، ގޭގައި އިނދެ އަނތްބަކު އުފުލަންޖެހޭ ޒިންމާ ރަނގަޅަށް އުފުލޭނަމަ މިއަދު މި ޢާއިލާ ބައިބައިވެގެން ނުދިޔައީސް” ވާފިރުގެ ވާހަކަތަކަށްވުރެ އޭނާގެ ހަރަކާތްތައް ހުރި ގޮތުން ނަބީހާ ދެރަވިއެވެ.  

“އަހަރެން ބޭނުންވިޔަސް އެކުދިންގެ އުޅުމެއް އަހަންނަށް ބަދަލެއް ނުކުރެވޭނެ، އެއަށްވުރެ އެމީހުން އެތިބީ ބޮޑެތިވެފައި، ހަތަރުދަމު އެމީހުންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ވެސް އެމީހުންގެ އުޅުން ބަދަލުވާނޭ ކަމެއް ނޫން….” ނަބީހާ ވާހަކަދައްކަ ދައްކާ އިންދާ ވާފިރު ކޮޓަރިން ނިކުމެން ހިނގައްޖެއެވެ. ކަންބޮޑުވެފައި އިން ނަބީހާ އޭނާގެ ބަރުހެލި ކަމާއިއެކު ވާފިރުގެ ފަހަތުން އައެވެ. އެހެންނަމަވެސް ހަލުވިކޮށް ހިނގާފައި ދިޔަ ވާފިރު ހުއްޓުވޭގޮތެއް ނުވިއެވެ.

* * * *

ބާޒާރު ކުރުމަށް ނިކުތް ކުދިން އެނބުރި ގެއަށް އައުމާއިއެކު މޫނިސާ އަވަސްވެގަތީ އެކުދިން ގަނެގެން އައި ސާމާނުތައް ބަލާށެވެ. ދީމް ބޭނުންވާ ބައެއް އެއްޗެހި ޝަނޫޒާ އާއި ޒީވާގެ ސަބަބުން ނުގަނެވުމުން އެކަމާ އޭނާ ޝަކުވާކުރިއެވެ. މޫނިސާ ހުރިހާ ކުދިން ގެނައި އެއްޗެހި ބެލުމަށްފަހު ކާންދިއުމަށް ބުންޏެވެ. ދީމް އާއި ޒީވާ ތެދުވުމުން ޝަނޫޒާއަށް ގޮވާލާފައި މަޑުކޮށްލުމަށް މޫނިސާ އެދުނެވެ.

“ކިހިނެއްވީ މަންމާ” ޝަނޫޒާ އަހާލިއެވެ.

“ޒީވާ މިގެއިން ދިޔައިރު ހުރި ގޮތަކަށް ނޫން މިހާރު އެހުރީ، މަގުމަތިން ކަމެއް ދިމާވީތަ؟ ދަރިފުޅު ވެސް ފެންނަނީ ކޮންމެވެސް ކަމަކާ ފޫހިވެފައި ހުރިހެން” މޫނިސާ ބުނި އެއްޗަކުން ޝަނޫޒާ ހައިރާންވިއެވެ.

“މިރޭ އަދީލު ފެނުނީ، އެހެންވެ ފޫހިވެފައި މިހިރީ، އެކަމަކު ޒީއަށް ވީ ކިހިނެއްކަމެއް ނޭނގޭ، ކޮންމެހެން ބުނަންޖެހިއްޖެ ވާހަކައެއްނޫނީ ޒީ  ނުބުނާނެ، އެހެންވިމަ ނުވެސް އެނގޭނެއެއްނު އޭނާއަށް ކަމެއްވިޔަސް… އަޅެ މަންމަ ޒީ ގެނެސް އަހާބަލަ” ޝަނޫޒާ ބުންޏެވެ.

“މިހާރަކު ނޫން، ދަރިފުޅު އަދިވެސް އެ އަދީލުއާ މެދު ވިސނަނީތަ؟ އޭނާއަކީ ރަނގަޅު މީހެއްނޫނޭ ހަމަ ދަރިފުޅެންނު ބުނީ” މޫނިސާ ހައިރާންވިއެވެ.

“އެހެންވެއޭ ފޫހިވަނީ، އެކަހަލަ މީހަކާ ރައްޓެހިވެވުނީތީ… ކުރިން އޭނާގެ ހަޤީޤަތް އެނގުނު ނަމައޭ ހިތަށްއަރާ، އޭނާ ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފުސުދެކެ ރުޅި އާދެވެނީ، ހިތަށް އަރާ ދުވަހަކު ވެސް އޭނާ ނުފެންނާނެނަމައޭ” ޝަނޫޒާ މޫނު ހަދާލަމުން ބުނެލިއެވެ.

“ހުރިހާ ވައްތަރެއްގެ މީހުން ވެސް އުޅޭނެ، ޝުކުރުކުރަންވީ އެކަހަލަ މީހެއްގެ އަތްދަށުން ސަލާމަތްވެވުނީތީ، ދެން އެކަމާ އެހާވަރަށް ނުވިސްނާ ދޭ އެކުދިންނާއިއެކު ކެއުމުގައި ބައިވެރިވެލަން” މޫނިސާ ސޯފާއިން ތެދުވެ ޝަނޫޒާގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

އެރޭ ނިދަން އުޅެއުޅެ ޒީވާއަށް ނިދޭގޮތެއް ނުވިއެވެ. ލޯމަރާލާ އިރަށް އޭނާއަށް ސިފަވަނީ އަދީލެވެ. ހަމައެއާއެކު ޝަނޫޒާ އާއި އޭނާގެ ރަޙުމަތްތެރިޔާ ދެއްކި ވާހަކައެވެ. މުޅިން ސާފު ނުވިޔަސް އެމީހުންނާ އަދީލާ ކޮންމެވެސް ގުޅުމެއް އޮތްކަން ޒީވާއަށް ދޭހަވިއެވެ. ދެވަނަ ފަހަރަށް އަދީލުގެ އުނދަގޫ އޭނާއަށް ޖެހޭކަށް ޒީވާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް އޭނާ ބިރުގަންނަނީ އަދީލު އެގޭ ދޮށަށް އަތުވެދާނޭ ހިތައްއަރާފައެވެ. ބާލީހުގައި ބާރަށް ބައްދާލައިގެން އޮވެ ޒީވާ ނިދޭތޯ މަސައްކަތްކުރިއެވެ. ބޭކާރު ޚިޔާލުތައް ސިކުނޑިން ނެރެލޭވޭތޯ ބެލިއެވެ. ހެނދުނުން އޮފީހަށް ދާން ޖެހޭނީ ތަޒާކަމާއިއެކު އޮފީހުގެ ކަންކަމާ ކުރިމަތިލާން އޭނާ ބޭނުންވެއެވެ.

* * * *

ކޮފީއެއް ބޯލުމަށް ރާކިޒްގެ ކެބިންއިން ނިކުމެގެން އޭނާ އައިއިރު މޭޒުދޮށުގައި އިން ޒީވާ ލޮލުގައި އަޅައިގަތެވެ. މިއަދު އޭނާއަށް ޒީވާ އަދި އެ ފެނުނީއެވެ. ހުރިހާ މުވައްޒަފުންނަށްވުރެ ކުރިން އޮފީހަށް އަންނަ ގޮތަށް އޭނާގެ ކެބިންއިން އާންމުކޮށް ނިކުންނާނީ ދިހައެއް ޖަހާލާކަން ހާއިރު ކޮފީއެއް ބޯލުމަށެވެ. ފަހަތުން އައި ޝުހައިލު، ރާކިޒުގެ ކޮނޑުގައި ޖަހާލިއެވެ.

“ކޮންތާކަށް ދާނީ، އަހަރެން އަދި ސައި ވެސް ނުބޮން” ޝުހައިލް ބުންނެވެ.

“އެހެންޏާ ވެސް ދާތަން އޯކޭ އެއްނު” ރާކިޒު ބުނެލިއެވެ. އަދި ދެމީހުން އެކުގައި އޮފީހުން ނިކުމެއްޖެއެވެ.

ދީމްގެ މޭޒު ހުރީ ޒީވާގެ މޭޒާ ކުރިމަތިވާގޮތަށް އަނެއްފަރާތުގައެވެ. އަލަށް މަސައްކަތެއް ކުރަން ޖެހުމުން ދީމްއަށް ފަސޭހައެއްނުވިއެވެ. ކެފޭގައި އޭނާ ފައިސާ ގުނާ ބިލު ހަދަން އާދަވެފައި ހުއްޓެއްކަމަކު އޮފީހަކަށް ވަނުމުން ކުރަންޖެހޭ މަސައްކަތް ވަރަށް ތަފާތުވިއެވެ. ކުޑަކޮށް ފޫހިވެފައި އިން ފަދަ ގޮތަކަށް އޭނާ ލިޔުންތަކެއް ފައިލްކުރަމުން ދިޔައެވެ. ވާނުވާ ނޭނގޭތީ މާގިނައިން މާހިދުގެ ގާތުން އަހާ އޮޅުން ފިލުވަން ދީމްއަށް އުނދަގޫވަނީއެވެ. ޒީވާއަކީ ފަސޭހައިން ކަންކަން ދަސްކުރާ ކުއްޖެކެވެ. އެހެންވެ އޭނާއަށް ދެފަހަރަކު ކިޔައިދިނުމުން ކަންކަން ކުރަންވީ ގޮތް ނަގައިގަނެއްޖެއެވެ.

“ދީމް… ކޮފީ ބްރޭކެއް ނުނަގަންތަ؟” މާހިދަށް ދީމް އިން ގޮތް ފެނިފައި އަހާލިއެވެ.

“ވަރަށް ބޭނުން…. މިތަނުން ކޮފީ ލިބޭތަ؟” ދީމް އަހާލިއެވެ.

“ސްޓާފުންނަށް ކޮފީ މެޝިނެއް މިތަނުގައި ހުރެއޭ، ހިނގާ ކޮފީއެއް ބޯލަން ދަމާ، ޒީ ވެސް އަންނަންވީނު، ކުޑަކޮށް ބްރޭކު ވެސް ނަގަންވާނެ” މާހިދު ހިނިތުންވެލަމުން ބުންޏެވެ.

* * * *

މޭޒު ދޮށުގައި ރާކިޒާއި ޝުހައިލު ތިބީ އެމީހުން ދިން އޯޑަރު ގެނެސްދޭނެ އިރެއްގެ އިންތިޒާރުގައެވެ. ރާކިޒު އޭނާގެ މަސައްކަތުގެ ވާހަކަ ޝުހައިލްއާ ދައްކަމުން ދިޔައެވެ. އޭނާއަކީ ރާއްޖޭގައި ބޭނުންކުރާ އެކިއެކި ބާވަތްތަކުގެ ބްރޭންޑު ޕްރޮމޯޓު ކުރާ ފަރާތެކެވެ. އިސްތިހާރު ތަކުން ފެށިގެން ފޯސްޓަރު ތަކާއި ތަފާތު މެގެޒިން ތަކަށް އެކި ބްރޭންޑް ތަކުގެ ފޮޓޯތައް ވަނީ ހަދައިދީފައެވެ. ދެމީހުންގެ މެދުގައި ދެކެވެމުންދިޔަ މަސައްކަތްތަކުގެ ވާހަކަ މެދުކަނޑާލީ ޝުހައިލެވެ.

“އެއީ ކިހިނެއް ވިސްނާފައި ވެއްދި ދެކުދިންތަ؟ ބަލާބެލުމަށް އުޑާ ބިމާހާ ތަފާތު ދެކުދިން…. އަނެއްކާ އައު ބްރޭންޑް މޮޑެލްއެއް ނެރުމުގެ ވިސްނުމުގައިތަ؟” ޝުހައިލް ބުނެލިއެވެ.

“ޒީ… އޭނަ ރީތި ދޯ، އެކަމަކު ވަރަށް ސްޓަބަން ކުއްޖެއްހެން ހީވަނީ… ބައެއްފަހަރު ހިތަށް އަރާ އޭނާ ބްރޭންޑް މޮޑެލްއަކަށް ވެއްޖެނަމަ އަހަރެން ވަރަށް ކާމިޔާބު މީހަކަށް ވާނެއޭ، އެކަމަކު އަދި އެކަހަލަ ވިސްނުމެއްނެތް، މިހާރު އެ ދެމީހުން ވެސް އެތިބަ ވަޒީފާ ރަނގަޅު، އަހަރެން ވަރަށް ވިސްނާފައި އެ ދެމީހުން ވެއްދީ” ރާކިޒު ކޮންމެވެސް ވަރަކަށް އޭނާގެ ޚިޔާލު ހާމަކުރިއެވެ.

“އެކަމަކު އަހަންނަށް އެހެން އެއްޗެއް ވެސް ހީވޭ… އަނެއްކާ ރާކިޒަށް ބަދަލުތަކެއް އައިސްގެން ތިއުޅެނީ އެ މަންޖެއާ ހެދިތަ؟ ހަޤީޤަތުގައި ވެސް ވަރަށް ރީތި، ލޯބިން ގުޅެން ރަނގަޅު ކުއްޖެއްހެން ހީވޭ، އަހަރެން ވެސް މީހަކާ ނީނދެ ހުރި ނަމަތާ ދޯ، އޭރުން ރާކިޒަށް ވެސް ދޫނުކުރާނަން” ޝުހައިލު މިހެން ބުނެ ހޭންފެށިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލި ރާކިޒު އެއްޗެއް ބުނުމުގެ ކުރިން ވިސްނާލަން ވަގުތުކޮޅެއް ނެގިއެވެ. ހަމައެވަގުތު އެމީހުން އޯޑަރު ދިން އެއްޗެހި ވެއިޓަރު މީހާ އައިސް މޭޒުމަތީ ބަހައްޓައިފިއެވެ.

“އޮފީހުގެ މުވައްޒަފުންނާ މެދު އެހެން ނުދެކެމާ، ދެން އެ ވާހަކަ ހުއްޓާލާ… ސަމާސާ ކުރިޔަސް އެ ސަމާސާ ވިހަވެދާނެކަމަށް ވިސްނަން ވާނެ، އެހެންނޫނަސް އޮފީސްތެރޭ އެކަހަލަ ކަންކަން ހިނގާކަށް އަހަރެން ބޭނުމެއްނޫން” ރާކިޒު ބުނިއެއްޗަކާއިމެދު ޝުހައިލު ވިސްނާލިއެވެ. އޭނާ ޝުހައިލު ގާތުން އެ ބުނަނީ ޒީވާއާ ގާތް ނުވާންކަން ޚުދު ޝުހައިލަށް ނަގައިގަނެވުނެވެ. އިތުރަށް ރާކިޒު ލައްވާ އެއްޗެއް ބުނުވަން ޝުހައިލު ބޭނުންނުވިޔަސް އޭނާއަށް ޒީވާއަކީ ރާކިޒަށް ވަރަށް ޚާއްޞަ ކުއްޖެއްކަން އެނގެއެވެ. ގިނަ ދުވަހު އެކުގައި މަސައްކަތް ކުރުމުގެ ސަބަބުން ރާކިޒުގެ މިޒާޖު ވެސް ޝުހައިލަށް މިހާރު އެނގެއެވެ.

އޮފީހުގައި ރަސްމީކޮށް މަސައްކަތްކުރަން ހަމަޖެހިފައި އޮތް ވަގުތު ހަމަވުމާއިއެކު ގިނަ މުވައްޒަފުން ގެއަށް ދިއުމަށް ނިކުންނަން ފެށިއެވެ. އެހެންނަމަވެސް މާހިދު އާއިއެކު ޒީވާ އާއި ދީމް މަސައްކަތުގައި ތިއްބެވެ. މީހުން މަދުވެލުމާއިއެކު ޒީވާ، ދީމްއަށް ގޮވާލަމުން އޭނާގެ ސަމާލުކަން ހޯދިއެވެ.

“ދީމް، ރޭގަ ފިހާރަ ކައިރީ ހުރީ ކޮން ފިރިހެނެއްތަ؟ ޝަނޫ ދައްތަ އާއި ޝަނޫ ދައްތަ ގާތުގައި ހުރި ފްރެންޑު ވެސް ހީވަނީ އެ މީހަކު ދެކެ ވަރަށް ހިތްހަމަނުޖެހިފައި ތިބިހެން” ޒީވާ ނޭނގޭ ކަމަށް ހަދާފައި އަހާލިއެވެ.

“ކާކު… އަދީލު ފެނިގެންތަ” ދީމް ހަނދާންކޮށްލަމުން ބުނެލިއެވެ. ދެން ވެސް ޒީވާ އެއީ ކާކުކަން އެނގުނު ކަމަކަށް ނުހެދިއެވެ. އޭނާ ބެލީ އަދީލު ސިފަކޮށްދެވޭތޯއެވެ. މާގިނަ ތަފްޞީލުތަކަކަށް ޒީވާއަށް ދާކަށް ނުޖެހުނެވެ. ދީމް އެއީ އަދީލުކަން ޒީވާއަށް ބުނެދިނެވެ. އަދި އަދީލަކީ ޝަނޫޒާ ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާކަމުގައި ބުންޏެވެ. އޭގެ އިތުރުން އަދީލުގެ ވިޔާނުދާ ވާހަކަ ވެސް އޭނާ ޒީވާއަށް ކިޔައިދިނެވެ. ހައިރާންވެ އަންތަރީސްވެފައި އިން ފަދަ ގޮތަކަށް ޒީވާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދީލަކީ އެތައް އަންހެން ކުދިންތަކަކަށް ލަނޑުދެމުން ދާ މީހެއްކަން ޒީވާއަށް މިއަދު ޔަޤީންވެއްޖެއެވެ. ޚުދު އޭނާއަށް ވެސް ޝުކުރުކޮށްލެވުނީ އޭނާ އާއި ޝަނޫޒާ ފަދަ އަންހެން ކުދިންނަށް އަދީލުގެ ނުބައިކަމުން ސަލާމަތްވުމުގެ ފުރުޞަތު ލިބުނީތީއެވެ.

“ޒީ ދަންނަންތަ އޭނަ؟ އޭނާ ފެނިގެން ޒީއަށް ގޮތްތަކެއް ވިހެން އަހަންނަށް ހީވި، ފަހުން އަހާލަން ހުރީ، އެކަމަކު ހަނދާންނެތުނީ” ދީމް ވެސް ވަރަށް ހަނދާންކޮށްލާފައި ޒީވާ ގާތުން އޮޅުން ފިލުވަން ވެފައި އޮތްކަމެއް އަހާލިއެވެ.

“ނޫން ނުދަންނަން…” ވަރަށް އަވަހަށް ޒީވާއަށް ބުނެލެވުނެވެ. ހަޤީޤަތް ހާމަ ކުރަން އެއްގޮތަކަށް ވެސް ޒީވާ ބޭނުމެއްނޫނެވެ. ދީމް ވެސް އިތުރަށް ސުވާލެއް ނުކުރިއެވެ. ޒީވާގެ ބަސް އޭނާ ޤަބޫލުކުރި ކަހަލައެވެ.

* * * *

ސައިކޮޓަރީގައި ހުރި ޔަޝްފާގެ ގައިގާ ކުޑަކޮށް ޖެހިލާފައި އަދީލު ކޮފީ ތަށި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނެވެ. އަދި ކަމެއްވިހެން ވެސް ހީނުވެ އޭނާގެ ރައްޓެހިންނާ ވާހަކަދައްކަމުން ދިޔައެވެ. އޭރު ޔަޝްފާ ބަސްހުއްޓިފައި ހުރި މީހަކު ފަދައިން އަދީލަށް ބަލަހައްޓައިގެން ހުއްޓެވެ. ޝަނޫޒާ އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުން ސިހިފައި ސައިޖޯޑުގައި ބާރަށް ހިފާލިއެވެ.

“އޮފީހެއް މަގުމައްޗެއް ނޯވޭ ދޯ” ޝަނޫޒާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި މަޑުމަޑުން ބުނެލިއެވެ.

“އަހަރެންތަ… ޝަނޫއަކަށް ނުފެނުންތަ އޭނާ އައިސް އަހަރެންގެ ގައިގާ ޖެހުނުތަނެއް، މިހާރު އަހަންނަށް ވެސް އޮޅިއްޖެ، ޝަނޫ… އަހަރެން މީ މޮޔައެކޭ ބުންޏަސް އެންމެ ރަނގަޅު، އެކަމަކު އަހަންނަށް އަދީލު މަތިން ހަނދާންނައްތައެއް ނުލެވުނު، އޭނާ އަހަންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަހަންނަށް އަދީލަށް ނޫނެކޭ ނުބުނެވޭނެ، އަދީލު އަހަންނާ ގުޅެން ބޭނުންވާނަމަ އޭނާ އެހެން ބުނަން ބޭނުންނުވަނީ ކީއްވެބާއޭ އަހަރެން ހިތަށް އަރާ… އަހަންނަށް އެނގޭ އަދީލު އަހަރެންގެ ގައިގާ ޖެހިފައި އެ ދިޔައީ މިތަނުގައި އޭނާ ހިނގާނޭ ޖާގަ ނެތިގެނެއް ނޫންކަން” ޔަޝްފާގެ މޫނު މަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ.

“އޭނާގެ މަކަރުވެރިކަން އަދިވެސް ޔަޝްއަށް ނޭނގޭތީ އަހަރެން ހަމަ ހައިރާންވޭ، އަހަންނަކަށް ދެން ނޭނގެ ޔަޝް ގާތު ބުނާނީ ކީކޭކަމެއް ވެސް، ރޮއެރޮއެފައި ކޮންމެ ފަހަރަކު ބުނާނެ ދެން އަހަރެން ދުވަހަކު ވެސް އަދީލަކާ ވާހަކައެއް ނުދައްކާނަމޭ، އެއީ ވަރަށް ނުބައި މީހެކޭ…. ހަފްތާއެއް ނުވާނެ އެކަން މަތިން ހަނދާންނެތޭނެ، ޔަޝްއަށް ފެންނަ ގޮތަކަށް ދެން ކަންތައްކުރޭ، އަހަރެން ނުބުނާނަން އެއްވެސް އެއްޗެއް” ޝަނޫޒާ މިހެން ބުނެ ކޮފީތަށިން އެތި ފޮދެއް ބޯލިއެވެ. ޔަޝްފާ ވެސް އިތުރަށް އެއްޗެއް ނުބުންޏެވެ.

ސައިކޮޓަރިން އެންމެން ނިކުމެ މަސައްކަތަށް އެނބުރިއައެވެ. ކޮމްޕިއުޓަރ އިސްކުރީނަށް ނަޒަރު ހުއްޓާލައިގެން އިން ޔަޝްފާގެ މޭޒު ކައިރީ އަދީލު އައިސް ހުއްޓިލުމުން މިފަހަރު އޭނާ ފެންނަ ކަމަކަށް ނުހެދިއެވެ. އިރުކޮޅަކު އަދީލު، ޔަޝްފާއަށް ބަލަންހުރެފައި އޭނާއަށް ގޮވާލިއެވެ.

“ކިހިނެއްވީ؟ ކަމަކުތަ؟” އަދީލަށް ބަލަން ބޭނުންނުވެފައި އިންހެން ޔަޝްފާ ބުންޏެވެ. އެހެންނަމަވެސް އޭނާގެ އެތެރެ ހަށިވަނީ ފިނިވެފައެވެ. އަދީލު އެހާ ގާތުގައި ހުރުމުން އޭނާ ޖަހާފައި ހުރި ފިރިހެންވަންތަ ސެންޓުގެ ވަހުން ވެސް ޔަޝްފާ ދިވާނާ ވެދާހާ ވެއެވެ. ކިތަންމެ ފަހަރަކު އަދީލާ ދިމާލަށް އެނބުރިލާފައި އެ ދެއަތުގައި ހިފާލަން ޔަޝްފާ ބޭނުންވިއެވެ.

“ހާދަ ފާޑަކަށް، ރުޅި އައިސްފަތަ” އަދީލު މަސްތީ ގޮތަކަށް މިހެން ބުނެލަމުން ސިއްރުން ޔަޝްފާގެ ކޮނޑުގައި ފިރުމާލިއެވެ. އެއާއެކު ޔަޝްފާއަށް އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް އޮތް ބާރު ގެއްލުނެވެ. މަޑުމަޑުން ރަކިގޮތަކަށް ޔަޝްފާ ނޫނެކޭ ބުނެލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

“އެހެންވީރު މިރޭ އަހަންނާއެކު ކޮފީއަކަށް ދާން ކެރޭނެތަ؟” އަދީލު އަހާލިއެވެ. ވަރަށް އަވަހަށް ޔަޝްފާ އެއްބަސްވިއެވެ. އަދީލު ބޭނުންވީ ޔަޝްފާގެ ރުހުމެވެ. އެކަން އޭނާއަށް ވުމުން ޔަޝްފާގެ މޭޒުމަތީ އޮތް ކަރުދާސްކޮޅެއްގައި ވަގުތު ޖަހާލުމާއިއެކު ލާނެތް ހިންޏެއް އައިސްފައި ހުރެ އަދީލު ހިނގައިގަތީ އޭނާގެ މޭޒު ދޮށަށެވެ. އެ ދިމާލަށް ނަޒަރު ހުއްޓާލައިގެން މޮޔައަކު ފަދައިން ޔަޝްފާ އިނެވެ.

އޮފީސް ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ޝަނޫޒާ އާއި ޔަޝްފާ ވަކިވަންދެން، ޔަޝްފާގެ ދުލު ކުރީގައި ވަނީ އަދީލުގެ ނަމެވެ. އެހެންނަމަވެސް ޝަނޫޒާ މިފަހަރު އެއްވެސް އެއްޗެއް ނުބުންޏެވެ. ޔަޝްފާއަށް ވިސްނައިދިނުމަކީ ބޭކާރުކަމެކޭ އޭނާއަށް ހީވާތީއެވެ. އެކުވެރިއެއްގެ ގޮތުގައި ދެކިގެން ވަރަށް ދުވަހު ޔަޝްފާއަށް ވިސްނާ ދެވިއްޖެއެވެ.

ޖެހިގެން އައި ދުވަހު ޝަނޫޒާއަށް އޮފީހަށް އާދެވުނު އިރު ޔަޝްފާ ހުރީ އޭނާގެ އިންތިޒާރު ގައެވެ. އެހެން ދުވަސް ދުވަހަށް ވުރެ އަނގަގަދަ ވެގެން އުޅޭހެން ވެސް ޝަނޫޒާއަށް ހީވިއެވެ. ސައިގަނޑި ޖެހެންދެން ވެސް ޔަޝްފާއަށް ނުހުރެވުނެވެ. އޮފީސް ފޯނުން ޝަނޫޒާއަށް ގުޅާލިއެވެ. އަދި އޭނާގެ ގާތުން ޒީވާއަކީ ކާކުތޯ އޮޅުން ފިލުވަން ޔަޝްފާ ބޭނުންވިއެވެ. އެކަމުން ޝަނޫޒާއަށް ވަރަށް އުނދަގޫވިއެވެ. އަދި ހައިރާންވީ ކުއްލިއަކަށް ޔަޝްފާގެ ސަމާލުކަން ޒީވާއަށް ހުއްޓުނީމައެވެ.

“ބުނެފީމެންނު އެއީ އަހަރެންގެ ކޮއްކޮއެކޭ… ޔަޝް ކީއްވެތަ ތިއުޅެނީ ޒީވާއަކީ ކާކުކަން އެނގެން ބޭނުންވެގެން، ދެން އަހަރެންގެ ގާތުން ޒީވާއޭ ކިޔައިގެން އެއްވެސް އެއްޗެއް ނާހާތި، އަހަންނަށް އެނގޭ ކޮންމެވެސް އެހެންމީހަކުކަން ޔަޝްފާ ގާތު ޒީވާގެ ވާހަކަދައްކައިގެން ތިއުޅެނީ، އަހަރެން އެއްވެސް އިރަކު ޔަޝް ގާތު ނުބުނަން ޒީވާއަށް ކިޔާ ނަމެއް” ޝަނޫޒާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ފޯނު ބޭއްވިއެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ޔަޝްފާ ގުޅިއެވެ. އަދި ވަރަށް މާފަށް އެދިފައި ވާހަކަދެއްކިއެވެ.

“ސޮރީ ޝަނޫ، އާދީ… އާދީ ބުނީ ޒީވާގެ ނަން، އޭނަ ބުނީ ޝަނޫ ގާތުން ޒީވާއަކީ ކާކުކަން އޮޅުން ފިލުވާދީބަލާށޭ” ޔަޝްފާ މިހެން ބުނުމުން ކުރިއަށްވުރެ ވެސް ޝަނޫޒާގެ ރުޅި ގަދަވިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ފޯނުގެ އަތްގަނޑު ބޭއްވުމާއިއެކު ތެދުވެގެން އަދީލުގެ މޭޒު ދޮށަށް ދިޔައެވެ.

“ކުރިން ވެސް އަހަންނަށް އެނގޭ ކަލޭތީ ގޮތެއްފޮތެއް ހުރި މީހެއް ނޫންކަން، ބުނަން ރަނގަޅު ވާހަކައެއް…. ޒީވާއަކީ އަހަރެންގެ ކޮއްކޮ، ކަލޭ އޭނާއާ ވައިވެސް އެޅެން އަހަރެން ބޭނުމެއްނުވޭ، ކޮންމެހެން މީސްމީހުން އަހަރެންގެ ގާތަށް ފޮނުވައިގެން ޒީވާއަކީ ކާކުތޯ ބަލަން އުޅޭނެކަމެއްނެތް، އަހަރެން ދިރިހުއްޓާ ހަމަ ޔަޤީނުން ވެސް ކަލެއަކަށް ނުކެރޭނެ އަހަރެންގެ ޢާއިލާ ކުއްޖަކާ ކައިރިވާކަށް” އައިސްފައި ހުރި ރުޅިން ޝަނޫޒާއަށް ދަތްކުޑިވިކާލެވުނެވެ.

“އަހަރެން ނުދެނަ ހުރިން ޒީވާއަކީ ޝަނޫޒާގެ ކޮއްކޮ ކަމަކަށް، އެހެންވީމަ ކޮއްކޮއޭ ކިޔައިގެން ކޮން ދޮގުތަކެއް ހަދާކަށް، އަހަރެން ބޭނުމިއްޔާ މިހާރު ވެސް ޒީވާގެ ގާތަށް ދެވިދާނެ، ނޫނީ އަހަރެން ހުރި ތަނަކަށް ވެސް ޒީވާ ގެނެވިދާނެ، އަހަންނަށް ޒީވާއަކީ ކާކުކަން އެނގޭ، ނޭނގެނީ އޭނާ ޝަނޫޒާމެން ގޭގައި ކުރާކަމެއް” ޝަނޫޒާއެކޭ އެއްގޮތަކަށް އަދީލު ވެސް ވާހަކަދެއްކީ މަޑުމަޑުންނެވެ. އޮފީސް މާހައުލުތެރޭ ބޮޑު ޒުވާބެއް ހިނގާ އެންމެންގެ ސަމާލުކަން އެމީހުންނަށް ހުއްޓޭކަށް ޝަނޫޒާ އާއި އަދީލު ވެސް ބޭނުންނުވާ ކަހަލައެވެ. ނަމަވެސް އަދީލުގެ ވާހަކައިން ޝަނޫޒާއަށް ހައިރާންކަމެއް ލިބިގެން ހިނގައްޖެއެވެ. އަދީލަށް ޒީވާ އެނގެނީ ކިހިނެއްބާއޭ ވަގުތުން އޭނާގެ ހިތަށް އެރިއެވެ.

“ތިހާ ރަނގަޅަށް ޒީވާ އެނގޭނަމަ އަދީލަށް އެނގުނީސް ޒީވާއަކީ އަހަރެންގެ ކާކުކަން” ޝަނޫޒާ ގޮތް ދޫކުރަން ބޭނުންނުވާތީ ބުނެލިއެވެ. އަދި އިތުރަށް އަދީލަށް އެއްޗެއް ބުނާނޭ ފުރުޞަތެއް ނުދީ އޭނާ އެތަނުން ހިނގައްޖެއެވެ.

ދުވަހުގެ ބާކީ އޮތް ހުރިހާ ވަގުތަކު ޝަނޫޒާއަށް އުނދަގޫ ކުރަމުން އައީ އަދީލު ދެއްކި ވާހަކަތަކެވެ. އޮފީސް ނިންމާފައި ގެއަށް ދެވުނީ ވެސް އެހެން ދުވަސް ދުވަހަށްވުރެ ބާރަށް ހިނގާފައެވެ. ގެއަށް އައިސް ވަން ގޮތަށް ޒީވާ ކޮބާތޯ ހޯދާލެވުނެވެ. އެހެންނަމަވެސް އޭރު އަދި ޒީވާ އާއި ދީމް ގެއަކަށް ނާދެއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަސް ނަގާ ސޯފާ މަތީ ބާއްވާލުމާއިއެކު ޝަނޫޒާ އިށީނެވެ. އޭނާ އެހެން އިންނަތާ ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ވޭތުވެގެން ދިއުމާއެކު އެންމެފަހުން ތެދުވެގެން އައިސް އޭނޭގެ ކޮޓަރިއަށް ވަނެވެ. އޮފީސް ހެދުން ބަދަލުކޮށްލައިގެން ޝަނޫޒާ ވަނީ ބަދިގެއަށެވެ. ސިކުނޑި ހަމަޖައްސާލުމަށްޓަކައި އޭނާ ހޫނު ސައިތަށްޓެއް ހަދާލައިގެން ނިކުމެ ޓީވީ ބަލަން އިނެވެ. އެހެންނަމަވެސް އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލާލެވެނީ ޒީވާ ގެއަށް އައިސް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“މަންމަ އަދިވެސް ނާދޭތަ؟” ސިޓިން ރޫމުން ވަން ދީމް އަހާލިއެވެ. އެއާއެކު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޒީވާ ވެސް ގޭތެރެއަށް ވަނެވެ. ޝަނޫޒާ ސޯފާއިން ތެދުވި ގޮތަށް ޒީވާއަށް ގޮވާލިއެވެ.

“ޒީ، އާދެބަލަ…” ޝަނޫޒާ މިހެން ބުނެ ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ޒީވާ ހިނގައިގަތުމާއިއެކު ދީމް ވެސް އައީ އެމީހުން ކުރާކަމެއް ބެލުމަށެވެ.

“ދީމް، ދޮންތަ ޒީ އާ ވާހަކައެއް ދައްކާލަން ވެގެން، ދީމް ދޭ އެއްޗެހި ބަދަލުކޮށްލަން” ޝަނޫޒާ އާއިއެކު އޭނާގެ ކޮޓަރިއަށް ވަން ދީމް ފޮނުވާލަން ބުންޏެވެ. ޒީވާއަށް ލިބިގެން ދިޔަ ހައިރާންކަމާއިއެކު ހިތުގައި ސުވާލު އުފެދުނެވެ.

“ޝަނޫ ދައްތާ، ކޮންވާހަކައެއް ދައްކަންވެގެން ދީމް ތި ފޮނުވާލީ” ޝަނޫޒާ ކޮޓަރީގެ ދޮރު ލައްޕާލާފައި އެނބުރިލުމުން ޒީވާ ބުންޏެވެ.

“އަދީލު އެއީ ކާކު؟” ޝަނޫޒާ ކުރަން ބޭނުންވި ސުވާލު ވަގުތުން ޒީވާއާ ކުރިމަތި ކުރުވިއެވެ.

“އަ..ދީ…ލް…” ޒީވާ ހާސްވާގޮތް ވިއެވެ. ޝަނޫޒާ ކުއްލިއަކަށް އަދީލުގެ ވާހަކަ އަހަންޖެހުނު ސަބަބަކާމެދު ޒީވާ ސުވާލު އުފެދުނެވެ.

“އާން! އަދީލު… އޭނާ ބުނި ޒީ ދަންނަ ވާހަކަ، އަދި އެއީ މިގެއަށް ޒީ އައުމުގެ މާކުރިން ކަމަށް، ޒީ… ޕްލީޒް، ދޮގު ނުހަދާ ނިކަން ހުރިހާ ވާހަކައެއް ކިޔައިދީބަލަ، އަދީލަކީ ރަނގަޅު މީހެއް ނޫން، އަހަރެންގެ ހިތް ވަރަށް އެބަ ބިރުގަނޭ، އަނެއްކާ އޭނާ ޒީއަށް ގޮތެއް ހެދީތަ؟ ޒީ… ތިހެން ނުހުރެ ކިޔައިދީބަލަ” ޖަވާބެއް ދޭން ވިސްނަމުން ދިޔަ ޒީވާގެ ދެއަތުގައި ޝަނޫޒާ ހިފައި ތަޅުވައިގަތެވެ.

“އެނގޭ އެއީ ވަރަށް ނުބައި މީހެއްކަން، އަހަރެން ނުބުނާކަށްނޫން، އެކަމަކު މާޒީގެ ވާހަކަދައްކަން ބޭނުންނުވަނީ، ޝަނޫ ދައްތާ، ޤަބޫލުކުރޭ، އަހަންނާ އެމީހާއާ ދެމެދު އެއްވެސް ގުޅުމެއްނެތް، އޭނާ އުޅެނީ އަހަންނާ އަޅައިގަނެގެން…. އޭނާ އެއްފަހަރު އުޅުނު އަހަރެންގެ ފޮޓޯތަކެއް ހަދައިގެން އަހަރެން ބްލެކްމެއިލް ކުރަން ވެސް، އަހަރެންގެ ނަސީބު ރަނގަޅު ކަމުން އޭނާއަށް އެކަމެއް ކާމިޔާބެއް ނުވި، އަހަރެން ވެސް މިހުންނަނީ ބިރުން އޭނާ އަލުން އަހަންނަށް ފާރަލާން ފަށާފާނެތީ…” ޒީވާގެ މާޒީގެ ޞަފުޙާތައް ހުޅުވާލިކަމަކު އޭނާ ޝަނޫޒާއަށް ހުރިހާ ހަޤީޤަތެއް ހާމައެއް ނުކުރިއެވެ. ޝަނޫޒާ ވެސް ބޭނުންވީ ޒީވާ އާއި އަދީލު ގުޅިފައިވަނީ ކިހިނެއްކަން އެނގޭށެވެ.

“އޭނާއަކީ އެވައްތަރުގެ މީހެކޭ، މަތިން ބައިން ރީތި އަންހެން ކުދިންގެ ފަހަތުން ދުވުމަކީ އޭނާގެ އާދައެއް، ފާޑު ފާޑުގެ ފޮޓޮ އާއި ވީޑިއޯ ހެދުމަކީ އޭނާގެ ކަށީގައި ހިފައިފައި ހުރި ކަމެއް، އޭނާއަށް ރީތިވެއްޖެއްޔާ އެ އަންހެން ކުއްޖެއްގެ ދުވަސް ދިޔައީ…. އަލްޙަމްދުލިﷲ ޝުކުރު އޭނާގެ ކިބައިން ޒީވާ ސަލާމަތްވިކަން، އެކަމަކު ވަރަށް ވިސްނައިގެން އުޅެންވާނީ، އަދީލަކީ ހައްދު ފަހަނައަޅައިފައި ހުރި މީހެއް، އަންހެން ކުއްޖަކު ހޯދުމަށް އޭނާ ނުކުރާނެ ކަމެއް ވެސް ނޯންނާނެ” ވާހަކަދައްކަމުން ޝަނޫޒާ އައިސް އޭނާގެ އެނދުގައި އިށީނެވެ. އޭނާ ޒީވާގެ ގާތުން ފޮޓޯތަކަށް ވީ ކިހިނެއްތޯ އެހިއެވެ. ޒީވާ، އެ ފޮޓޯތައް އަދީލަށް އާންމުކުރާކަށް ނުކެރޭނެކަމަށް ބުންޏެވެ. އަދި ޝަނޫޒާގެ ހިތްހަމަޖައްސައި ދިނެވެ. ޒީވާ އާއި އަދީލުގެ ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތްކަން އެނގުމުން ޝަނޫޒާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ޒީވާ އެދުނީ އެއިން އެއްވެސް ވާހަކައެއް ޢާއިލާ ތެރެއިން ބޭރަށް އިވެން ބޭނުންނުވާކަމުގައެވެ. މިހާރު އޭނާއަކީ ކުރީގެ ޒީވާއެއް ވެސް ނޫންކަމެވެ. އަލުން އައު ދިރިއުޅުމެއް ފަށަން އޭނާ ބޭނުންވާ ކަމުގައެވެ. އެހެންވެ މާޒީގެ ކަންތައްތައް މާޒީގެ ތެރެއަށް ދޫކޮށްލަން އޭނާ ބޭނުންވަނީއެވެ.

* * * *

ރާކިޒުގެ އޮފީހަށް ޒީވާ ވަންތާ އެއްއަހަރު ފަހެވެ.

އޮފީހަށް ވަދެގެން އައި ރާކިޒު އޭނާގެ ކެބިންނަށް ވަންނަން ދަމުން ޒީވާއަށް ހެނދުނުގެ ސަލާމުން ސަލާމް ކުރިއެވެ. ރަކި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޒީވާ މަސައްކަތައިގެން އުޅެން ފެށިއެވެ. އޭރު ކޮންމެވެސް ކަމަކާ ހެމުން ހެމުން މާހިދު އާއި ދީމް އެ ދިމާލަށް އާދެއެވެ. އޮފީހުގެ އެންމެނަށް ވެސް އެނގޭ ބޮޑު ސިއްރެއްކަމުގައި މިހާރު އެ ދެމީހުންގެ ގުޅުންވެއެވެ. މާހިދަކީ ހަރުދަނާ ރަނގަޅު ޒުވާނެކެވެ. ހަކުދިންގެ ޢާއިލާއެއްގެ ހަތަރުވަނަ މެންބަރެވެ. އޭނާ ދީމްއަށް ލޯބި ހުށަހެޅިކަން ޒީވާއަށް އެނގެއެވެ. ދީމް ހުރިހާ ވާހަކައެއް ޒީވާއާ ޚިއްޞާކުރެއެވެ. އެހެންނަމަވެސް އަދިވެސް ޒީވާގެ ހަޔާތަށް ބައިވެރިއަކު ނާދެއެވެ. ރާކިޒު އާއި ދެމީހުންގެ ދެމެދު އޮތް ގުޅުން ގާތް ރަޙުމަތްތެރިކަމަކަށް ބަދަލުވެފައި ވިޔަސް ރާކިޒަށް ވެސް އޭނާގެ ހިތް ޒީވާއަށް ހުޅުވާލާކަށް ނުކެރެއެވެ. ލޯބީގެ ރޮނގުގައި އޭނާއަކީ ފިނޑިއަކަށް ވެއްޖެއެވެ. އެކުވެރިކަމުގެ ނަމުގައި ޒީވާ ގޮވައިގެން އޭނާ ކޮފީ ބޯން ދިއުމާއި ރޭގަނޑު ކާން ދިއުން ފަދަ ކަންކަން ކުރިނަމަވެސް އެ ގާތްކަމަށް އިތުރު ނަމެއް ދޭން ރާކިޒު ބޭނުންވެއެވެ. އެއީ ހަމައެކަނި ރަޙުމަތްތެރިންނޭ ބުނެ ނިންމާލަން ރާކިޒު ބޭނުންނުވަނީއެވެ. ޒީވާގެ ހިތުގައި ވަނީ ކީކޭކަން އެނގެން އޭނާ ބޭނުންވެއެވެ. އެކަމަކު ޒީވާގެ ހަރަކާތްތަކާއި އޭނާގެ އިހުސާސްތައް ދެނެގަތުމަކީ ރާކިޒު ޤަބޫލުކުރާގޮތުންނަމަ އެއްވެސް އިންސާނަކަށް ކުޅަދާނެވެގެންވާނޭ ކަމެއް ނޫނެވެ. ކިތަންމެ މަޖާ މާޙައުލެއްގައި ވެސް ޒީވާ އަޑުވީއްލާ ހީނލާއަޑެއް ނީވެއެވެ. ކިތަންމެ އުފާވިޔަސް ތުންފަތުން ފެންނާނީ ފަނޑު ހިނިތުންވުމެކެވެ. ގިނަ ވަގުތު ޚިޔާލީ ދުނިޔެއަށް ގެއްލިފައި އިނދެއެވެ. ނޫނީ ހީވާނީ ކޮންމެވެސް ބޮޑު ފިކުރެއް ކުރަނީ ހެންނެވެ.

“އޭތް! އަހަރުމެންނާއެކު ސައިބޯން ދާނަންތަ” ދީމް އައިސް އޭނާގެ މޭޒު ދޮށުގައި އިށީންނަމުން ޒީވާގެ ގާތުން އަހާލިއެވެ.

“ދީމްމެން ދޭ، އަހަރެން މިކޮޅަށް އެއްޗެހި ގެނެސްގެން ސައިބޯލަ ފާނަން، ނިއު ކޮފީ ޕްރޮޖެކްޓުގެ ކަންތައް މިއަދު ނިންމަން އެބަ ޖެހޭ، ބަޖެޓް ވެސް ފައިނަލްކޮށް ހުރިހާ އެނާލިސިސްއެއް ޝުހައިލްގެ އަތަށް ހަވާލުކުރަން ޖެހޭނެ، އޭނާ މިރޭ ފުރުމުގެ ކުރިން ބަލާލަން ބޭނުމޭ ބުނި” ޒީވާ ބުނެލިއެވެ.

“ރާކިޒު އެހެންވެއޭ ޒީވާދެކެ ލޯބިވަނީ…” ސަމާސާގޮތަކަށް ހީނލާފައި މާހިދު ބުންޏެވެ.

“ކީކޭ…” ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން އަހާލެވުނެވެ.

“މިތާ އެހެން މުވައްޒަފުންނަށްވުރެ ޒީވާ މަސައްކަތަށް ފަރުވާބަހައްޓަންޏާ ކޮންމެ ވެރިޔަކު ވެސް ލޯބިވާނެ އެންނު، އަޅެ ދޮގެއްތަ އަހަންނަށް މި ބުނެވުނީ” މާހިދުގެ ހިތުގައި އޮތް އެއްޗެއް އޭނާ ބަދަލުކޮށްލިއެވެ. ދީމް އާއި މާހިދަށް ވެސް ރާކިޒު އުޅޭ ގޮތުން އޭނާ އެ އުޅެނީ ޒީވާއަށް ހިތް ކިޔައިގެންކަން އެނގޭހާ ވެއެވެ. އެހެންނަމަވެސް އެމީހުން ހައިރާންވަނީ ޒީވާއަށް އެއިން އެއްވެސް ކަމެއް ފާހަގަ ނުކުރެވޭތީއެވެ.

“ތިހެން ފާޑުފާޑުގެ އެއްޗެހި ބުނާ އަޑު ރާކިޒަށް އިވިއްޖެއްޔާ އޭނާ ކީކޭތަ ހިތަށްއަރާނީ…. އަން! މިއޮތީ މާހިދު ބޭނުންވެގެން އުޅުނު ފެކްސް، މި ހިފައިގެން މޭޒު ދޮށަށް ދެވޭތޯ ބަލާ” ޒީވާ ހިތްހަމަނުޖެހުނު ކަމަށް ހެދިލަމުން ބުންޏެވެ.

“ޝުހައިލު ޗުއްޓީއަށް ދިޔައީމަ ދެން މާހިދު ދޯ ހުންނާނީ ރާކިޒުގެ ދަށުން ކަންކަން ނިންމަން” ދީމްއަށް އެއްލޯ މަރާލާފައި ދިޔަ މާހިދުއަށް އޭނާ ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

“އާން! އެހެންނު ވާންޖެހޭނީ، ދެން މިތަނުގައި ހުރި އެންމެ ސީނިއަރ ސްޓާފަކީ މާހިދެއްނު” ޒީވާ، ދީމްއަށް ރައްދުދިނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *