THIYAEE MAGEY MITHURAA EY [EP: 03]

އޮފީހުގައި އުޅޭ އަންހެން ކުދިންގެ ނަޒަރުތައް އަކްމަލްއަށް އަމާޒުވެފައި ހުންނަކަން ޚުދު އޭނާއަށް ވެސް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އެކަމުން އޭނާ ހުންނަނީ ރަކިވެފައެވެ. އެމީހުންގެ ދިމާކުރުންތަކަށް ރައްދުދީ ނަޒަރު ސީދާ ކުރާކަށް އެއްގޮތަކަށް ވެސް ނުކުރެއެވެ. ސައިގަޑިތަކުގައި، ސައިކޮޓަރިއަށް ވަންނަން ޖެހިލުންވަނީ އެހެންވެއެވެ. ފައިސަލްއަށް އެކަން އެނގިހުރެވެސް އޭނާ އަކްމަލްއާ ވަރަށް ދިމާކުރެއެވެ. އެމާޙައުލަކީ މީގެ ކުރިން ވެސް އަކްމަލްއަށް ކޮންމެވެސް ވަރަކަށް ތަޖުރިބާ ކުރެވިފައިވާ މާޙައުލެކެވެ. މީގެ ކުރިން އޭނާ މަސައްކަތްކުރި އޮފީހުންނެވެ. އެތަނުގައި ވެސް އަންހެން ކުދިންގެ ސަމާލުކަން ހޯދުމަށް އެއްވެސް ކަމެއް ނުކުރިކަމުގައި ވިޔަސް ތަނުގައި އުޅޭ އަންހެން ކުދިން އޭނާއާ އެކިގޮތްގޮތުން ސަމާސާކޮށް ހަދައެވެ. އެމީހުންގެ ސަމާލުކަން އަކްމަލްއަށް ލިބޭލެއް ވަރަށް ބޮޑެވެ. ނަމަވެސް އަކްމަލްއަކީ އެފަދަ ކަންކަމަށް ޝައުގުވެރިވާ ޒުވާނެއް ނޫނެވެ. ދުރަށްވިސްނުމަކީ އޭނާގެ ރަނގަޅު ސިފަތަކުން ސިފައެކެވެ. އެހެންމީހުންގެ ލޮލާއި ދުލުގައި ނުހިފެއްޓުނަސް އަމިއްލަ ގުނަވަންތައް ކޮންޓްރޯލު ކުރަން އަބަދުވެސް އަކްމަލް މަސައްކަތް ކުރެއެވެ.

ޒީވާގެ ކުލާސް ނިމޭގަޑިއަށް އަކްމަލް އޭނާ ބަލާއާދެއެވެ. އަދީލަށް އެމަންޒަރު ފެނުނެއްކަމަކު އެއީ ކާކުތޯ ބަލަން ކައިރިއަށް ދާކަށް ނުކެރެއެވެ. ޒީވާގެ ޢާއިލާ މީހަކަށް އެމީހަކު ވެދާނޭތީއެވެ. ހަފްތާއެއްހާ ދުވަހަކު އެގޮތަށް ޒީވާ ނިމޭގަޑިއަށް ކޮލެޖު ކައިރިއަށް ގޮސް ހެދުމަށްފަހު އެކަން އޭނާ ހުއްޓާލިއެވެ. އޭނާ ދެން ކުރި ކަމަކީ ރަޙުމަތްތެރިއެއްގެ އަތަށް ނޯޓެއް ދީފައި ޒީވާމެންގެ ގެއަށް ފޮނުވުމެވެ. ޒީވާގެ ނަން ފުރަތަމަ ފަހަރަށް އަދީލަށް އެނގުނީ އެގޮތަށެވެ. ރަޙުމަތްތެރިޔާ އެގެއަށް ފޮނުވީ ސައިރިކްސް ކޮލެޖުގެ މުވައްޒަފެއްގެ ގޮތުގައި އެތަނުގެ ދަރިވަރުންނާ ހަވާލުކުރަންޖެހޭ ސިޓީއުރައެއް ދީފައެވެ. އަދީލުގެ ރަޙުމަތްތެރިޔާއާ އެގެއިން ދިމާވީ ޒީވާގެ މަންމަ ޝީރީނާއެވެ. ސައިރިކްސް ކޮލެޖުން އައި މީހެއްކަމުގައި އަދީލުގެ ރަޙުމަތްތެރިޔާ ބުނުމުން ޝީރީން ވަގުތުން ގޮވީ ޒީވާއަށެވެ. އޭރު ޒީވާގެ ސިފަ އަދީލުވަނީ އޭނާގެ ރަޙުމަތްތެރިޔާއަށް ކިޔައިދީފައެވެ. އެހެންވެ ޒީވާ ފެނުމުން ވަގުތުން އެއީ އަދީލު ހޯދަން ބޭނުންވެގެން އުޅޭ އަންހެން ކުއްޖާކަން އަދީލުގެ ރަޙުމަތްތެރިޔާއަށް އެނގުނެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ޒީވާގެ އަތަށް ބަންދުކޮށްފައި އޮތް ސިޓީއުރައެއް ދިއްކޮށްލާފައި އެގެއިން ނުކުމެގެން ދިޔައީއެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ޒީވާއަށް ލިބިގެންދިޔއެވެ.

ނޯޓު ލިޔެފައި އޮތީ ކޮމްޕިއުޓަރުގެ އެހީގައި ކަމަށްވާތީ އެ ނޯޓު ކިޔާލަން ވަރަށް ފަސޭހައެވެ. ނަމަވެސް ނޯޓު ކިޔާލުމާއެކު ޒީވާ ކަންބޮޑުވާގޮތްވީ އެނޯޓު ފޮނުވީ ކާކުކަން އެނގުނީމައެވެ. އޭރު އޭނާގެ ގާތުގައި ހުރި ޝީރީން އެއީ ކީއްކުރާ ނޯޓެއްތޯ ސުވާލުކުރިއެވެ. ލިޔެފައި އޮތީ އިނގިރޭސި ބަހުންކަމަށްވާތީ ގަނޑުގައި އޮތް އެއްޗެއް ޝީރީނަށް ފަހުމްވާގޮތެއް ނުވިއެވެ. އޭނާއަށް އިނގިރޭސިން އެނގެނީ އެންމެ ދެތިންބަހެވެ. ޒީވާ ދޮގެއް ހެދީ އެހެންވެއެވެ. މަންމައަށް އެނޯޓުގެ ހަޤީޤަތް އޮޅުވާލިއެވެ. ކިޔަވަންދާ ތަނުން އާކޯސްތަކެއް ފަށާތީ އެހެންވެ ކުދިންނަށް އެކަން އަންގަން ފޮނުވި ލިޔުމެއްކަމުގައި ޒީވާ ބުނެ ލިޔުން ހިފައިގެން އޭނާ ވަނީ ކޮޓަރިއަށެވެ.

“އާދު… އެހެންވީމަ އޭމީހާގަނޑަށް ކިޔަނީ އާދުތާ، މީދެން ބޮޑުވަރު…” ކަރުދާހުގެ އެންމެ ތިރީގައި ލިޔެފައި އޮތް ނަން ކިޔާލަމުން ޒީވާ ބުނެލިއެވެ. އެ ނޯޓުގައި ޒީވާއާ ބައްދަލު ކުރަން ބޭނުންވާ ވާހަކައާއި އަދީލަށް ޒީވާ ވަރަށް ކަމުދާ ވާހަކަ ލިޔެފައި އޮތެވެ. ދެން ވެސް ހުރީ އެކިގޮތްގޮތުން ޒީވާއަށް ތަޢުރީފުކޮށްފައި ލިޔެފައި ހުރި ވާހަކަތަކެވެ. ވީފޫހިން އަތުގެތެރޭ ކަރުދާސްގަނޑު ބޮނޑިބޮނޑިކޮށްލާފައި އެނދުކައިރީ ހުރި ޑަސްބިނަށް ލިއެވެ. ދެލޯ އަޅައިގެން އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އެއްލާލި ކަރުދާސް ނަގާ ނިއުޅާލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒީވާ އެ ކަރުދާސް ގަނޑަށް އަދިވެސް އެއްފަހަރު ބަލާލާފައި އެނދާ ޖެހިގެން ހުރި ކަބަޑުގެ ވަތްގަނޑުން ނެގި ފޮތުގެ ތެރެއަށް އޭތި ލިއެވެ.

ލަމްޔާ އޭނާގެ ކޮއްކޮއަށް ސައިކަލު ދުއްވަން ދަސްކޮށްދިނުމުގެ ހުރިހާ ކަމެއް ހަޖައްސައި، ޓްރެއިނިންގ ސެންޓަރަށް ދާންޖެހޭ ގަޑިއަށް ޒީވާ ގެންގޮސްދެއެވެ. އެމީހުން ދެހަފްތާ ތެރޭ ޒީވާއަށް ސައިކަލު ދުއްވަން ދަސްކޮށްދޭނަން ކަމުގައި ބުނެފައި ވިޔަސް އެއަށްވުރެ އަވަހަށް ޒީވާއަށް ސައިކަލު ދުއްވަން ދަސްވެއްޖެނަމަ ލައިސެންސް ނެގުމުގެ ކަންތައް ހަމަޖައްސައި ދޭނެކަމުގެ ގެރެންޓީ ވަނީ ލަމްޔާއަށް ދީފައެވެ. އެހެންވެ ޒީވާއެކޭ އެއްގޮތަށް ލަމްޔާ ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ޕާޓީގައި ޒީވާ އާއި އަކްމަލް ވާހަކަދައްކަން ތިބިގޮތް ލަމްޔާ ހަނދާނެއްނުނެތެއެވެ. އެހެންވެ ދޭތެރެ ދޭތެރެއިން އަކްމަލް ކޮބާތޯ ޒީވާ ގާތު ލަމްޔާ އަހާލަނީ އެބުނުމުގައި ކަމެއް ސިއްރުވެފައި އޮތްކަހަލަ ގޮތަކަށެވެ. ކޮންމެ ފަހަރަކު ވެސް ޒީވާ ބުނަނީ އަކްމަލްއާ ދިމާނުވާ ކަމަށެވެ. އެދެމެދުގައި އެއްވެސް ގުޅުމެއް ނޯންނަ ކަމުގައެވެ. ޕާޓީއިން ފެނުމުން ހަމައެކަނި ވާހަކަ ދައްކާލީ ކަމުގައެވެ. އެވަރުން ލަމްޔާ ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އެކަމަކު ޒީވާއަށް އެކަން އަންގާކަށް އޭނާ ބޭނުމެއްނޫނެވެ. މަންމަމެނަށް ނޭނގުނަސް ޒީވާ ކޮންމެވެސް ކަމެއް ކުރާކަން ލަމްޔާއަށް ޝައްކުވަނީއެވެ. އަބަދު ފޯނު ހިފައިގެން ޒީވާ އުޅޭ ގޮތާއި އޭނާ ދޭތެރެ ދޭތެރެއިން ވަރަށް ހިނިއައިސްފައި ހުންނަތަން ލަމްޔާއަށް ފެނެއެވެ. އެހެންއެވަނީ ކޮންމެވެސް މީހެއްގެ ސަބަބުންކަމުގައި ލަމްޔާ ހީކުރެއެވެ. އަދި އެމީހަކީ އަކްމަލް ކަމުގައި ހީކުރެވެނީއެވެ. ލަމްޔާގެ ހަޔާތަށް ބައިވެރިއަކު ގެނައުން އެއީ އެންމެ ފަހުގެ ކަންތައްކަމުގައި އޭނާ ދުށްޓެއްކަމަކު އެކަން އެގޮތަށް، ޒީވާ ޤަބޫލުކުރާކަށް ނުޖެހެއެވެ. އެހެންވެ މިހާރުއްސުރެން ޒީވާ އެފަދަ ގުޅުމެއްހިންގަނީއޭ ލަމްޔާގެ ހިތްބުނަނީއެވެ. އެއީ ކާކުތޯ ހޯދުމަށް ޒީވާއަށް މަޖުބޫރުކުރާކަށް ލަމްޔާ ބޭނުމެއްނޫނެވެ. އަދި މައިންބަފައިންނަށް އޭނާއަށް ހީވާ ހީވުން އަންގާކަށް ވެސް ބޭނުމެއްނޫނެވެ. ބޭނުންވަނީ ޒީވާގެ ދުލުން ހުރިހާ ވާހަކައެއް ކިޔައިދޭ އަޑުއަހާށެވެ. ކޮއްކޮއަށް ރަނގަޅު ގޮތް ވިސްނައިދޭށެވެ. އުމުރުގެ ޅަކަމުން ކުރެވޭ އެންމެ ކަމެއްގެ ސަބަބުން މަގުއޮޅުނަ ނުދިނުމަށެވެ.

ޒީވާ އާއި އަކްމަލްގެ ދެމެދުގައި އޮތް ގުޅުން އައީ ވަރުގަދަ ވަމުންނެވެ. ހެނދުނު ހޭލާއިރު އާއި ރޭގަނޑު ނިދާއިރު ދެމީހުންގެ ފޯނުގައި އެކަކު އަނެކަކުގެ މެސެޖެއް ނެތިއްޔާ ދުވަހުގައި ކުރަންހުރި ހުރިހާކަމެއްގެ މަތީން ދެމީހުން ވެސް ފޫހިވެއެވެ. ހިތުގައި އުފެދެމުންދިޔަ އިޙްސާސްތައް އޮބިއޮންނަގޮތެއް އެއްގޮތަކަށް ވެސް ނުވެއެވެ. އެހެންވެ ފޯނުން ތަފާތު މެސެޖުތަކާއި ފޮޓޯތައް ބަދަލުކުރެވެމުންދެއެވެ. ހެނދުނު ވާހަކަދެއްކި ކަމުގައި ވިޔަސް މެންދުރުވާންވާއިރަށް އޮންނަނީ ދެމީހުން ވެސް “މިސް” ވެފައެވެ. އެވަރަށް އެކަކު އަނެކަކުގެ މަތިން ހަނދާންވާ ވާހަކަ ބުނާއިރު ވެސް ލޯބިވާ ވާހަކަ ބުނާކަށް ނުކެރެއެވެ. އެހެންނަމަވެސް އެކަމަށް ނިމުމެއް ގެންނަން އަކްމަލް ނިންމީ ޒީވާގެ ފަރާތުން އޭނާއަށް އެފަދަ ހުށަހެޅުމެއް ނާންނާނެކަން ޤަބޫލުކުރެވިގެންނެވެ. އަދި ޒީވާއަށް ލޯބި ހުށަހަޅައިފިއްޔާ ޤަބޫލުކުރާނޭކަން އޭނާގެ ހިތާއި ޟަމީރު ބުނީމައެވެ. އެގޮތުން އަކްމަލް އާއި ޒީވާ ބައްދަލު ކުރާތާ މަހެއްހާ ދުވަސް ވަނިކޮށް ޒީވާ ސިހިގެންދާވަރުގެ ކަމެއް އަކްމަލް ކުރިއެވެ.

އިތުރު ގަޑި ނިންމާފައި ޒީވާއަށް ކުލާހުން ނުކުމެވުނީ ރޭގަނޑު ހަތްގަޑި ފަނަރަ ހިނގަނިކޮށެވެ. އޭރު އޭނާ ލަސްވެގެން އާމުކޮށް އަކްމަލް ހުންނަ ތަނުގައި ދެފަރާތް ބަލާލަ ބަލާލާ އޭނާ ހުއްޓެވެ. ދެމީހުންކުރެ ފުރަތަމަ ފެނުނީ ޒީވާއަށެވެ. އަކްމަލްގެ ލޮލުގައި ޒީވާ އަޅައިގަތީ، އޭނާ އަކްމަލްއާ ދިމާލަށް ހިނގައިގަތް ފަހުންނެވެ.

“ކީއްވެތަ އަތް ފުރަގަހަށް ލައިގެން ތިހުރީ” އަކްމަލް ހުރިގޮތުން ޒީވާ ބުނެލިއެވެ. އެހިނދު ނިކަން ބޮޑަށް ފޮޅިލާފައި އޮތް ރަތް ފިނިފެންމަލެއް ފުރަގަހުން ނަގާ އަކްމަލް ދިއްކޮށްލިއެވެ.

“ޒީވްއަށްތަ؟ ވަރަށް ލޯބި… ހާދަ ބޮޑޭ ދޯ” އަކްމަލް ބޮލުން އިޝާރާތްކޮށްލުމާއެކު ޒީވާ މަލުގައި ހިފިއެވެ. އޭނާއަށް ވަރަށް ކަމުދިޔަކަން އެނގުމުން އެކަމާ އަކްމަލް ވަރަށް ހިތްހަމަޖެހުނެވެ. ދެމީހުން އެކުގައި ޒީވާގެ ގެއާ ދިމާލަށް ހިނގައިގަތީ ދެނެވެ. ވަކި ހިސާބަކަށް ނުދެވެނީސް އަކްމަލް، ޒީވާގެ އަތްތިލައިގައި ހިފާލިއެވެ. އަދި އެއްޗެއް ނުބުނެ ކުރިއަށް ހިނގަމުން އައީ ޒީވާ ހަދާގޮތެއް އެނގެން ބޭނުންވެފައި ހުރެއެވެ.

“ޒީވް، އަހަރެން…. އަހަރެން ވާހަކައެއް ބުނަން ބޭނުން” ޒީވާގެ އަތް އަކްމަލްގެ އަތުގެތެރެއިން ފޮޅުވާނުލާނޭކަން އަކްމަލްއަށް ޔަޤީންވުމުން ވާހަކަދައްކަން ފެށިއެވެ. މަޑުމަޑުން ހިތުގައިވާ އެއްޗެއް ޒީވާއަށް ހާމަކުރަން ބޭނުންވެ ހުރެއެވެ.

“އަހަންނަށް ޒީވާ ވަރަށް ކަމުދޭ، ރަޙުމަތްތެރިއަކަށްވުރެ ގާތް މީހަކަށް އަހަރެންވާން ބޭނުން، މީގެ ކުރިން އަހަރެންގެ ހަޔާތަށް އަންހެން ކުއްޖަކު ނާންނަކަން ޒީވްއަށް މިހާރު އެނގޭނެ، އަސްލު، އަހަރެން ބުނަން މިއުޅެނީ ކީކޭކަން އެނގެއެންނު، ރަތް ފިނިފެންމަލުގެ މާނައަކީ ކޮބައިކަން ޒީވްއަށް އެނގޭނެކަމަށް އަހަރެން މިބަލަނީ، އަހަނަށް ތިމަލުގެ ޖަވާބު ލިބިދާނެތަ” އަކްމަލް ބޭނުންވީ ހިތުގައި އޮތް އެއްޗެއް ސީދާ ހާމަކުރަންކަމުގައި ވިޔަސް ލޯބިވެޔޭ ދުލުން ބުނަން ޖެހިލުންވީއެވެ.

ރަކި ހިނިތުންވުމަކާއެކު އިސްޖަހާލައިގެން ހުރެ ޒީވާ ކުރިއަށް ހިނގަމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުގައި އޮތް ފިނިފެންމަލަށެވެ. މާގެނެސް ނޭފަތު ކުރީގައި ޖައްސާލުމާއެކު ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ. އަދި މަޑުމަޑުން އަކްމަލްއަށް ބަލާލާފައި އަތުގައި އޮތް މާ ދިއްކޮށްލިއެވެ.

“މީ އަހަރެން ޒީވްއަށް ދިން މަލެއް، އަނބުރާ އަތުލާ ގޮތަކަށް ނޫން” ހައިރާންވެފައި އަކްމަލް ބުނެލިއެވެ.

“އަކްމަލް މި މައު ޒީވްއަށް ދިން މާނައިގައި، ޒީވް އަނބުރާ މި މައު މިދެނީ” ލަދުންގަނެފައި ހުރި ފަދަގޮތަކަށް ޒީވާ ބުނެލިއެވެ. ވަގުތުން އަކްމަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަދި ޒީވާގެ އަތަށް ފިތާލަމުން ކުޑަކޮށް ކައިރިއަށް ދަމާލިއެވެ. ލިބުނު އުފަލެއްގެ ސަބަބުން ހިތް އުއްދުއްސައިގަތް ފަދަ އިޙްސާސެއް ކުރެވިގެންދިޔައެވެ. ކުއްލިއަކަށް ލިބުނު ހައިރާންކަންފިލައި ހިތާއި ސިކުނޑިއަށް ލުއިވެގެން ދިޔަހެން ހީވިއެވެ.

“އަހަރެންގެ މެސެޖު ޒީވްއަށް ލިބުނުކަން އެނގޭ، އަދި ޒީވް ތިދިން ރިޕްލައިއާމެދު އަހަރެން ވަރަށް އުފާވެއްޖެ، ދެން މި މައު ޒީވް އަތުގައި ބާއްވައި، މީ އަހަރެން ދިން ހަދިޔާއެއް، އެނގޭ މަލެއްވީމާ ވަރަށް އަވަހަށް މޯޅިވާނެކަން، އެކަމަކު ހަނދާނުގައި ހަރުލުމަށްފަހު އެއްވެސް ކަމަކަށް މޯޅިވުމެއް ފަނާވުމެއްނެތް، އަހަންނަށް ޔަޤީން، ދުވަހަކު ވެސް އަހަރެން ޒީވްގެ މަތިން ހަނދާނެއްނުނެތޭނެކަން، އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް ދިރުން ގެނެސްދިން އަންހެން ކުއްޖާ ތީ” އަތުގައި ހިފާލައިގެން ހުރެ ކޮނޑާ ކޮނޑުޖެހޭހާ ގާތްވެލަމުން އަކްމަލް ބުނެލިއެވެ.

ގެއާ ހަމައަށް އާދެވުމާއެކު ދެމީހުންނަށް ވެސް އިހްސާސްކުރެވުނީ މާއަވަހަށް އާދެވުނު ހެންނެވެ. އެހެންރޭ ވަކިވާގޮތާއި އެރޭގެ ވަކިންވުން ތަފާތުވިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ދެމީހުން ވަކީ އެނޫންގޮތެއް ނެތިގެންކަހަލަ ގޮތަކަށެވެ. ނަމަވެސް ގެއަށް ވަދެވުމާއެކު ދެމީހުންގެ ދެމެދު އޮތް ދުރުމިން ކައިރިކޮށްދިނީ ފޯނެވެ. ޖެހިލުމެއްނެތި ވަރަށް ލޯބިވާކަން އަކްމަލް ވައިބަރކޮށްލިއިރު އޭގެ ޖަވާބު ވެސް ޒީވާ ފޮނުވީ ހަމައެހާ ފުރިހަމަކޮށެވެ.

އަދީލު، ޒީވާގެ ގެއަށް އެކި ފަހަރު މަތިން މީހުން ފޮނުވަން ފެށުމުން އެކަމާ ޝީރީން ކަންބޮޑުވުން ފާޅުކޮށް ޒީވާއަށް ސުވާލުކުރަން ފެށިއެވެ. އަދި އަންނަ މީހުންނާ އެކިއެކި ސުވާލުތައް ކުރަން ފެށިއެވެ. އެގޮތުން އެމީހުން ދޭ ސިޓީއުރަތައް ޝީރީންއާ ހަވާލު ކުރުމަށް އޭނާ އެދުމުން އެމީހުން އެކަމާ ދެކޮޅު ހަދައެވެ. ސިޓީ އުރައާ ހަވާލުވާން ޖެހޭނީ އޭތި އެޑްރެސްކޮށްފައި އޮތް ފަރާތްކަމުގައި އެމީހުން ބުނުމުން އެކަމާ ޝީރީން ރުޅި އައައެވެ.

“އަހަރެން މީ ޒީވާގެ މަންމަ، އަހަންނާ ހަވާލު ނުކުރެވެންވީ ސަބަބެއް ނުވިސްނުނު، ޒީވާއެއް ނުނިކުންނާނެ ތިއާ ހަވާލުވާކަށް، އަހަންނާ ހަވާލު ނުކުރެވެންޏާ ތި ހިފައިގެން ދޭ، މާދަމާ ތި ކޮލެޖަށް އަހަރެން ދާނަން، ހަފްތާއަކު ދެތިން ފަހަރަށް ކޮން ސިޓީއުރައެއް ފޮނުވާކަށްތަ، މައިންބަފައިންނަށް އެނގެންޖެހޭނެ ކަލޭމެން ތި ފޮނުވާ އެއްޗެހީގެ ހަޤީޤަތް” ސިޓިން ރޫމު ދޮރުމަތީގައި ހުރި ޝީރީން ރުޅިއައިސްފައި ވާހަކަދެއްކިއެވެ. އޭނާގެ ކުރިމަތީ ހުރި ގޮތްނޭނގޭ މީހާ އަވަސް އަވަހަށް ސިޓީ އުރަ ހިފައިގެން ދޮރުން ނިކުމެގެން ހިނގައްޖެއެވެ. އެތަން ފެނި ހަލުވިކަމާއެކު ގޭތެރެއަށް ވަދެގެން އައި ޝީރީން، އައިގޮތަށް އައިސް ޒީވާގެ ކޮޓަރިއަށް ވަނެވެ.

“ރީމް، ރުވާ، އިހަށް ބޭރަށް ދޭ” ޝީރީންގެ އަޑު ހުރިގޮތުން އޭނާ އެހުރީ ރުޅި އައިސްފައިކަން ކޮޓަރީގައި ތިބި ރީމް އާއި ރުވާގެ އިތުރުން އެނދުމަތީ ފޮތެއް ހިފައިގެން އިން ޒީވާއަށް ވެސް އެނގުނެވެ. އެހެންވެ އެއްޗެއް ނުބުނެ އަވަސް އަވަހަށް ދެބެންވެގެން ކޮޓަރިން ނުކުމެއްޖެއެވެ. އެއާއެކު ދޮރު ރަނގަޅަށް ލައްޕާލާފައި ޝީރީން ބަލާލީ ޒީވާއަށެވެ. އެ ބަލާލުމުން އެކަނި ވެސް ޒީވާގެ ހިތް ބާރަށް ތެޅިގަތެވެ. ޝީރީން ރުޅި އަންނަވަރުގެ ކަމެއް އޭނާއަށް ކުރެވުނު ތޯ ހަނދާންކުރަން ފެށުނެވެ. ނަމަވެސް ސިކުނޑިއަކަށް އެއްވެސް އެއްޗެއް ނޭރިއެވެ. ދެން ހަނދާންވީ އަކްމަލްގެ މަތިންނެވެ. މަންމައަށް އެދެމެދުގައި އޮތް ގުޅުން އެނގުނީބާއޭ ހިތަށް އެރުމުން ޒީވާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ބޭރަށްލާން އުޅުނު ނޭވާ ވެސް އެތެރޭގައި ހިފަހައްޓާލެވުނެވެ.

“މަންމާ…” އެނދުން ތިރިއަށް ދެފައި ތިރިކޮށްލަމުން ޝީރީނަށް ސަމާލުކަން ދީގެން އިނދެ ޒީވާ މަޑުމަޑުން ގޮވާލިއެވެ.

“މީ ދެން ވަރުގަދަވެއްޖެ ކަމެންނު، ކޮންހާ ބައެއްތަ އެއަންނަނީ ފާޑެއްގެ ސިޓީއުރައެއް ހިފައިގެން، އެމީހުން ތިބޭ ވައްތަރުން ވެސް އަހަންނަށް އެނގޭ އެބަޔަކު އެއަންނަނީ ޒީވާ ކިޔަވާތަނުން ފޮނުވައިގެނެއް ނޫންކަން، ބުނޭ! އެއީ ކޮންބައެއް؟” ރުޅި އައިސްފައި ހުރިވަރުން ބާރަށް ވާހަކަދައްކަން ބޭނުންނުވި ނަމަވެސް ޝީރީންގެ އަޑު ބާރެވެ.

“ނޭނގެ އެއީ ކޮންބައެއްކަމެއް” ޒީވާ ކަންބޮޑުވެފައި އިނދެ ބުންޏެވެ.

“ދެން އެހެންވީރު އެމީހުނަށް ޒީވާ ހޯދަން މިގެއަށް ވަންނަން އެނގުނީ ކިހިނެއް؟” ޝީރީން ހުރީ ޒީވާއަށް ނިކަން ރަނގަޅަށް ބަލާށެވެ. މިއަދު އޭނާ އެކޮޓަރިން ނުކުންނާނީ މިވަނީ ކިހިނެއްކަން އޮޅުންފިލީމައެވެ.

“މަންމާ، މީގެ ކުރިން ދުވަހަކުވެސް އެމީހުނެއް ނުދެކެން، އެކަމަކު މިއުޅެނީ ކަމެއް ދިމާވެގެން” ކަންބޮޑުވެފައި އިން ޒީވާ މިހެންބުނެ އިސްޖަހާލިއެވެ. އެހިނދު ޝީރީންނަށް ހަލުވިކަމާއެކު އައިސް ދަރިފުޅުގެ ގާތުގައި އެނދުގައި އިށީނދެވިއްޖެއެވެ.

“ކިހިނެއްވީ؟ އަވަހަށް ބުނޭ” ކުއްލިއަކަށް ޝީރީންގެ އަޑުވެސް ބަދަލުވެއްޖެއެވެ. އަދި ޒީވާގެ ކޮނޑުގައި އޭނާއަށް ފިރުމާ ވެސް ލެވިއްޖެއެވެ. އޭނާގެ ހިތް ބިރުގަންނަން ޖެހުނީ ކޮންކަމަކާކަމެއް ނޭނގުނު ނަމަވެސް ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެއްފަހަރާ އެނބުރިގަތެވެ. ފުރަތަމަ ވެސް ސިކުނޑިއަށް އައީ، ޚީޔާލު ވެސް ކޮށްގެން ނުވާނޭ ފަދަ ކަންކަމެވެ.

“މަންމާ، އަހަރެން ކުލާހަށް ދާން ފޫހިވަނީއެއް ނޫން، ފާޑެއްގެ މީހަކު އަހަރެންގެ ފަހަތުން އަންނަނީ، އެއީ ކާކުކަމެއް ނޭނގޭ، މިހާރު ދުވަސްތަކެއްވެއްޖެ އެ މީހަކު އެހެން އުޅޭތާ، ވަރަށް ބޮޑަށް ހީވޭ މީ ވެސް އޭނާ ކުރާކަމެއްހެން، އެއީ އެމީހަކަށް އެނގޭނެ އަހަރެން އައިސް ވަންނަނީ މިގެއަށްކަން” ޒީވާއަށް ވާހަކަދެއްކުނީ ވަރަށް މަޑުމަޑުންނެވެ.

“ޒީވް، ތީ އަންހެންކުއްޖަކަށްވާއިރު މަންމަ ކިހާ ބިރެއްގަންނާނެ، ކީއްވެތަ މިހާދުވަސްވަންދެން ނުބުނެ ތިހުރީ، މިހާރު މިއުޅޭ މީހުން ކޮންމެފަދަކަމެއް ކުރާކަށް ވެސް ޖެހިލުމެއްނުވާނެ” ޝީރީނަށް ބުނެވުނެވެ.

“މަންމައަށް ވެސް ހުރިހާ ތަނަކަށް ނުހިނގޭނެއެންނު، ރީމް އާއި ރުވާ ކޮއްކޮ ގޮވައިގެން ސްކޫލު ދޮށަށް ދިއުމާ އެމީހުން ޓިއުޝަނަށް ގެންގޮސް، ބަލާދިއުމާ… މިހުރިހާ ކަމެއް ކުރާކަށް، މަންމައަކީ ވެސް އެންމެ މީހެއްނު” ޝީރީން ކަންބޮޑުވެ ހާސްވާކަށް ޒީވާ ބޭނުމެއްނުވެއެވެ.

“ދަރިފުޅާ ޒީވް، މަންމައަށް ނުދެވުނަސް މިގޭގައި ޒީވާއާއެކު ދާނޭ މީހުން އެބަތިއްބޭ، އެކަމަކު ފޮނުވާކަށް ނޭނގޭނެއެންނު ދަރިފުޅު ނުބުނަންޏާ، މަންމައަށް ރުޅި އާދެވުނީ ފާޑު ފާޑުގެ ފިރިހެނުން ދަރިފުޅު ހޯދަންށޭ ކިޔާ މިގެއަށް ވަންނަންފެށީމަ، ނޭނގޭނެއެންނު ޒީވްގެ ފަހަތުން މީހަކު އަޅައިގަނެގެން އުޅެނީކަމެއް، ޒީވް، ދަރިފުޅަށް އެނގޭނެތަ އެމީހާ ފެނުނީމަ ފާހަގަކުރަން، މަންމައަށް ވާނެ ތިމީހަކު ދައްކަން، އަދި މި ހަނދާންވީ، ކީކޭ ކިޔާފަތަ ސިޓީއުރައިގައި އޮތީ” ޝީރީން ހަމަޖެހިލިއެވެ.

“ބައްދަލުކުރަން ބޭނުންވާހަކަ، ހުރިހާ ސިޓީއުރައެއް އުކާލައިފިން، ހަމައެކަނި ބެލީ އެދުވަހު  މަންމަ ގާތުގައި ހުރެގެން ކެނޑި ސިޓީއުރަ އެކަނި” ޒީވާ ބުނެލިއެވެ. ޝީރީން ބޯޖަހާލަމުން ތެދުވިއެވެ. އަދި ކަމަކާ ފިކުރުކުރާ ފަދަ ގޮތަކަށް ހުރެގެން ގޮސް ކޮޓަރިން ނުކުތެވެ.

އަވަސްއަރުވާލާފައި ތެދުވި ޒީވާ އައިސް އެނދު ކައިރީ ހުރި ކަބަޑުގެ މަތީ ވަތްގަނޑު ހުޅުވާލިއެވެ. އަދި އޭގެ ތެރޭގައި އޮތް ނޯޓުފޮތެއް ނެގިއެވެ. ފޮތަށް ލައްވާފައި ހުރި ކަރުދާސްތަކުގެ ސަބަބުން އޭރު ވެސް ނޯޓުފަތް އޮތީ މެދާ ހިސާބުން ދެފަޅިއަށް ބައިވެފައެވެ. އެއްފައިމައްޗަށް އެނދުގައި އިށީން ޒީވާ ފޮތް ހުޅުވާލިއެވެ. އެއާއެކު ފޮތުގެތެރެއިން އެނދުމައްޗަށް ކަރުދާސްތަކެއް ސޮއްސައިލައިގެން ފައިބައިގަތެވެ. ތިރީ ތުންފަތުގެ އެއްފަޅީގައި ދަތްއަޅާލައިގެން އިނދެ ޒިވާ ފަހަރަކު ގަނޑެއް ނަގާ މެދުން ފަތްޖަހާލުމާއެކު ކިޔަވަން ބޭނުންކުރާ ފައިލުގެ އެންމެ ފަހަތުގައި އޮތް ދެފުށްފެންނަ ފޯލްޑަރުގެ ތެރެއަށް ގަނޑުތައް ލަމުންދިޔައެވެ. އޭނާ އުޅޭ ގޮތުން ހީވަނީ ކަމެއް ފޮރުވަން އުޅޭހެންނެވެ.

ރޭގަނޑުގެ ކެއުމަށްފަހު ރީމް އާއި ރުވާ ނިދަން ކޮޓަރިއަށް ވައްދާފައި ޝީރީން އައިސް ވަނީ ލަމްޔާގެ ކޮޓަރިއަށެވެ. އޭނާގެ މޫނު ފެނިފައި ލަމްޔާއަށް ޝީރީން އެއައީ ކޮންމެވެސް ބޮޑުކަމެއްޖެހިގެން ވަގުތުން ނަގައިގަނެވުނެވެ. އެނދުމަތީ ހުޅުވާލާފައި އޮތް ލެޕްޓޮޕު ނަގާ އެއްފަރާތްކޮށްލަމުން ޝީރީން އިށީންނަން ތަންހަދާލަ ދިނެވެ.

“ކިހިނެއްވީ މަންމާ، ހާދަ ހާސްވެފައި ހުރިހެން ހީވެޔޭ” ލަމްޔާ އަހާލިއެވެ.

“ހާސްވާވަރުގެ ކަމެއް ދިމާވެއްޖެ، ޒީވާ އެއްވެސް ވާހަކައެއް ދަރިފުޅަށް ކިޔައިދިންތަ؟” ޝީރީން ކުރި ސުވާލު ލަމްޔާ ހައިރާންވިއެވެ.

“ކޮންކަހަލަ ވާހަކައެއް” ޒީވާ އެތަށް ވާހަކައެއް ލަމްޔާ ގާތު ދައްކާއިރު އެހުރިހާ ވާހަކައަކީ ހަމަޖެހޭ ވާހަކަތަކަކަށް ނުވާތީ ޝީރީން އެ އެހި އެއްޗަކަށް ސީދާ ޖަވާބެއްދޭން ލަމްޔާއަށް އުނދަގޫވިއެވެ.

“ޒީވްއަށް ފިރިހެނަކު އުނދަގޫކުރަނީ، ކިޔަވަންދާގަޑީގައި ފަހަތުން ވެސް އަންނަނީ، އެމީހަކު މިގެއަށް މީހުން ވެސް ފޮނުވަނީ، ޒީވާއާ ހަވާލުކުރަން ސިޓީއުރައެއް ދީފައި، މިރޭ އަދިކިރިޔާ އެވާހަކަ އެބުނީ” ޝީރީންގެ އަޑުހުރިގޮތުން ވެސް އޭނާ އެދައްކާ ވާހަކައިން ކަންބޮޑުވެފައި އިންވަރު ހާމަވެއެވެ.

“ތިޔަހެން ބުނީމާ އަހަންނަށް ވެސް ކަމެއް ފާހަގަކުރެވޭ، ފަހަކަށް އައިސް ޒީވް އަބަދުވެސް ދައްކާނި އެކަނި ކުލާހަށް ދާން ބޭނުންނުވާ ވާހަކަ، އެހެންވެ އެހާ އަވަސް އަރުވާލާފައި ސައިކަލު ދުއްވަން ދަސްކުރަން ބޭނުންވީ ވެސް، މާދަމާ ލައިސެންސް ނަގަން އެތަނަށް ދާން ވެސް ޖެހޭ، ބުނި ނިމިފައޭ އޮތީ” ލަމްޔާ ވެސް މިހާރު އިނީ ކަންބޮޑުވެފައެވެ.

“އެކަމަކު މަންމައަކަށް ނުކެރޭނެ ޒީވް ސައިކަލުގައި ވިޔަސް އެކަނި ފޮނުވާކަށް، އެމީހަކު އައިސް ޒީވް ސައިކަލުން ވައްޓާލައި ކޮންމެ ފަދަ އަނިޔާއެއް ވެސް ދީފާނެ” ޝީރީންއަށް ބުނެވުނެވެ.

“މަންމާ، އެހެން ހަދާކަށް ނުކެރޭނެ، އެހެންނޫނަސް ޒީވްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް، މީހަކު އޭނާއަށް ކަމެއްކުރަންދެން މަޑަކުން ނުހުންނާނެ” ލަމްޔާގެ ވާހަކަތައް ހުރީ ޝީރީންގެ ހިތްހަމަޖައްސައިދޭން އުޅޭ ފަދަ ގޮތަކަށެވެ.

“ކޮންމެއަކަސް ވަރަށް ދެރަކަމެއް މިއީ… ލަބީބަށް އެނގުނީމަ ބުނާނެ އެއްޗެއް ވެސް ނޭނގެ” އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ޝީރީން ބުނެލިއެވެ.

“މަންމާ، ޒީވް އެވާހަކަ ނުބުނީ މަންމަމެން ހާސްވާނޭވަރު އޭނައަށް އެނގޭތީ، މާބޮޑުކަމެއްނަމަ ޒީވް ވެސް ޢާއިލާއާ ޚިއްސާނުކޮށެއް ނުހުންނާނެ، އަހަންނަށް ހީވަނީ ސައިކަލުގައި ޒީވް އުޅެން ފެށީމާ ތިމީހަކަށް ޒީވްގެ ފަހަތަކުން ނޫޅެވޭނެހެން، ބައްޕަ ގާތު އަދި މިކަމުގެ އެއްވެސް ވާހަކައެއް ބުނާކަށް ނުފެނޭ، ކަންތައްތައް މާބޮޑަށް ގޯސްވަންޏާ އިތުރު ފިޔަވަޅެއް އަޅާނީ” ލަމްޔާ، ޝީރީންގެ ކޮނޑުގައި އަތްޖައްސާލީ ދެން ފިކުރުނުކުރާށޭ ބުނާފަދަ ގޮތަކަށެވެ.

“މަންމައަށް އެނގޭ، ޒީވް ވެސް ބޭނުމެއްނުވާނެކަން ދާހާތަނަކަށް މަންމަމެންގެ އިނގިލިކުރީގައި ހިފައިގެން ދާކަށް، މިހާރުގެ ކުދިންގެ ގޮތެއް ވެސް ނޫން އެއީ…. ލަމްޔާ، މިކަމާ ގުޅޭ ގޮތުން ޒީވާއާ ދަރިފުޅު ވާހަކަދައްކަބަލަ، ފަހަރެއްގައި މަންމަ ގާތު ބުނަން ޖެހިލުން ވިޔަސް ދަރިފުޅު ގާތު ބުނެފާނެ” ޝީރީން މިހެން ބުނުމުން ލަމްޔާ އެކަމާ އެއްބަސްވިއެވެ. އަދި ޝީރީން ހިތްހަމަޖައްސާލުމަށް ލަމްޔާ އަނެއްކާ ވެސް އެދުނެވެ. ގަދަކަމުން ދަރިފުޅަށް ހިނިތުންވެލި ޝީރީން ތެދުވެގެން އެކޮޓަރިން ނުކުންނަން ދިޔައެވެ.

ވާފިރު ސައިކަލަށް އަރާ ދުއްވާލުމުގެ ކުރިން މައްޗަށް ބަލާލިއެވެ. ގޭގެ މަގުމައްޗާވީ ފަޅީގައި ހުރި ބެލްކަނީގައި އޭނާއަށް ބަލަން ދިޔާނާ ހުއްޓެވެ. ހިނިތުންވެލުމާއެކު އަވަސް އަވަހަށް ސައިކަލު ސްޓާޓުކޮށް ދުއްވާލައިފިއެވެ. ވަގުތުގެ ގޮތުން މަގުތަކުގައި މާގިނަ ދުއްވާއެއްޗިހި މަދެވެ. ވާފިރުގެ ސައިކަލުގެ ދުވެލި ބާރުކޮށްލެވުނީ ވެސް އެހެންވެއެވެ. ވާފިރަށް ގެއަށް ވަދެވުމާއެކު އެންމެ ފުރަތަމަ ވެސް ބަލާލެވުނީ އަތުކުރި އޮތް ގަޑިއަށެވެ. ދަންވަރު ދޭއްޖަހަނީއެވެ. ސިޓިން ރޫމުގައި ހުރީ ބަދިގެ ފަރާތުން އެޅިފައި ހުރި ފަނޑު އަލިކަމެވެ. ސިއްރުން ކަހަލަ ގޮތަކަށް ވާފިރު އައިސް ކޮޓަރިއަށް ވަނެވެ. އޭރު ނަބީހާ ބިއްދޮށަށް އެނބުރި އޮތެވެ. ދެން ވެސް އޭނާ އުޅުނީ ވަގަކު އުޅޭ ފަދައިންނެވެ. ލައިގެން ހުރި އެއްޗެހި ބަލާފައި ފާޚާނާއަށް ވަދެ ފެންވަރާލައިގެން ވާފިރު ނިކުތެވެ. އަދި ނިދަންލާ ގަންޖުފަރާސް ލައިގެން އައިސް އެނދަށް އަރާ އޮށޯވެއްޖެއެވެ. ހަމައޮށޯތުމާއެކު ނަބީހާ ވާފިރާ ވީ ފަރާތަށް އެނބުރި އޭނާއާ ގާތްވެލިއެވެ. އަދި ފިރިމީހާގެ ގައިގާ އަތްލަން ފެށި ގޮތުން ނަބީހާ އޮތީ ނުނިދާކަން ވާފިރަށް އެނގުނެވެ.

“ނުނިދަންތަ” ވާފިރު އަހާލިއެވެ.

“ނިދާލާފައި ހޭލެވުނީ…” މިހެން ބުނުމާއެކު އަނެއްކާ ވެސް އިހުނަށްވުރެ ވާފިރުއާ، ނަބީހާ ގާތްވެލައިފިއެވެ.

“ނަބީހާ، އަހަރެން ވަރަށް ވަރުބަލިވެފައި މިއޮތީ، ދެލޯ ރަނގަޅަށް ނުވެސް ހުޅުވޭ” ވާފިރު، ނަބީހާގެ އަތް އޭނާގެ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ.

“އެކަމަކު އަހަރެންގެ ނިންޖެއް ނެތޭ” ނަބީހާ ގަދަ ހަދާލާފައި ބުންޏެވެ.

“ކުރިން ދުވަހު ގެނައި އައިސް ކްރީމް ތަށި ހުސްވީތަ، ދެވައްތަރުން ގެނައިމެންނު، ދޭބަލަ އެއްޗެއް ކާލާ ހަދާލަން، އޭރުން ނިދި އަތުވެދާނެ” ވާފިރު ބުންޏެވެ. އަދި އަވަސް އަވަހަށް ނަބީހާއަށް ފުރަގަސްދެމުން އެނދުގައި އޮތް ކަންނޭލުގައި ބައްދާލައިފިއެވެ. ނަބީހާ، ވާފިރާ ގާތްވުމުގެ ބަދަލުގައި އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން އޮތެވެ. ދެލޮލުން ފެންނަނީ އޭނާ ކަމަކަށް ބޭނުންވެފައި އޮތްކަމެވެ. އެހެންނަމަވެސް ވާފިރުކަންތައް ކުރިގޮތުން އޭނާ ހިތްހަމަނުޖެހުމަށްވުރެ އިޙްސާސް ކުރެވުނީ އެހެންކަމެކެވެ. މަޑުމަޑުން އެނދުން ތެދުވެގެން ނަބީހާ ކޮޓަރިން ބޭރަށް ނުކުތެވެ.

އައިސްއަލަމާރި ހުޅުވާލައިގެން އެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނަބީހާ އައިސްކްރީމް ތަށިނެގިއެވެ. އަދި ސަމްސަލަކުން ކުޑަބޯތަށްޓެއްގެ މަތިން އަރަންދެން އައިސްކްރީމް އެޅިއެވެ. އޭނާ އެތަށި ހިފައިގެން ނިކުތީ ސިޓިންރޫމަށެވެ. ބުރަކަށި ދަށަށް ކުޑަބާލީހެއް ލައްވާލުމާއެކު ސޯފާގައި ދެފައި ދަމާލައިގެން ޓީވީ ބަލަން ފެށިއެވެ. އޭރު ނަބީހާގެ އަތުގައި އައިސްކްރީމް އެޅި ބޯތަށިއޮތެވެ. ސަމްސަލަކަށްފަހު ސަމްސަލެއް އަނގަޔަށް ލަމުން އޭނާ ދިޔައިރު ވާފިރުގެ ސަބަބުން ހިތަށް ލިބުނު ނުތަނަވަސްކަން ފިލައިހިނގައްޖެއެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާ ކީއިރު އަދީލުގެ މޫނުމަތިން ހިތްހަމަޖެހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ހެނދުނު ހެނދުނާ އޮފީހަށް އޭނާ ދިޔައީ ސައި ވެސް ނުބޮއެވެ. މީހަކާ އަނގައިން ވެސް ނުބުނެއެވެ. އެކަން އަކްމަލްއަށް ފާހަގަ ކުރެވުނެއްކަމަކު ސުވާލެއް ނުކުރިއެވެ. އޭނާ ވެސް ސައިބޮއެގެން ނިކުތީ އޮފީހަށް ދިއުމަށެވެ.

ލިޔެކިޔުންތަކެއް ހިފައިގެން އައިސް ޝޫބާގެ އަތަށް ވާފިރުދިއްކޮށްލިއެވެ. މިއަދު އޭނާ ވެސް މާކުރިން އޮފީހަށް އައިސް އުޅޭ ދުވަހެކެވެ. އެހެންކުންފުއްޔެއްގެ ބަޔަކާއެކު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުމަށް އޭނާ ތައްޔާރުވަނީއެވެ. ޝޫބާގެ ގާތުގައި މަޑުކޮށްލައިގެން ހުއްޓާ އެދިމާލަށް ދިޔާނާ ވަދެގެން އަންނަތަން ފެނުނެވެ. މަޑުރީނދޫކުލައަކާއި ފެހިކުލައެއްގެ ސާމަރާދޫނި ފަތްތަކެއް ޖަހާފައި ހުރި ތުނިފޮތީގެ ގަމީސްކޮޅާއި ހިމަފަޓުލޫނުގައި ދިޔާނާ ހުރިއިރު އޭނާ އާއި އޭނާގެ އުމުރާ ނުބައްދަލެވެ. އަތުގައި އޮފީސް މާހައުލާ ގުޅޭ ޓޯޓް ބޭގެއް އޮތްއިރު އަރާފައި ހުރި އުސް ފައިވާނުން ވެސް ދިޔާނާއަކީ ޒަމާނީ ފެޝަންތަކަށް ލޯބިކުރާ މީހެއްކަން އެނގެއެވެ. ޒީނަތްތެރިވުމުގައި ދިޔާނާ ހައްދަ ފަހަނައަޅައެއް ނުދެއެވެ. އޭނާގެ ރީތިކަން ފާހަގަ ކުރެވެނީ ވެސް އެހެންވެއެވެ. ޝޫބާގެ މޭޒުކައިރީ ހުރި ވާފިރު ފެނުމުން ދިޔާނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލުމާއެކު އެދެލޮލުގެ ވިދުން ގަދަވިއެވެ.

“ގުޑް މޯނިން” ހެވިލާފައި ހުރި ދިޔާނާ ވާފިރަށް ބުނެލިއެވެ. އެވަގުތު ޝޫބާ ވެސް ހެދުނު ސަލާމުން ދިޔާނާއަށް މުހާތަބުކުރިއެވެ.

“އެހެންވީމަ ދެންދޭ ކޮންފަރެންސް ރޫމު ތައްޔާރުކޮށްލަން، ޝާފީ ޓެކްނިކަލް ހުރިހާ އެއްޗެއް ރެޑީ ކުރުވާ” ވާފިރު، ޝޫބާއަށް މިހެން ބުނެލުމާއެކު އައިސް ދިޔާނާގެ އޮފީހަށް ވަނެވެ.

“އާ ހެދުމެއްތަ؟ މިއަދު ފަހުމީ އަންނާތިތަ” ވާފިރު ނިކަން ރަނގަޅަށް ދިޔާނާއަށް ބަލާލަމުން ބުނެލިއެވެ.

“ވަޓް؟ ވާފިރު، އަހަރެން ބުނީމެންނު ފަހުމީ ކޮންމެ އެއްޗެއް ކިޔަސް އަހަރެން ގަޔާވާ މީހެއް ނޫނޭ އެއީ” ދިޔާނާ ހިނިތުންވުން ކުއްލިއަކަށް ގެއްލުނެވެ.

“އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ފަހުމީ ދިޔާނާއަށް ބަލާގޮތުން” ވާފިރު ހިތްހަމަނުޖެހިފައި ހުރެވެސް ބުނީ ވަރަށް މަޑުންނެވެ.

“އެކަން އެނގޭ، އެކަމަކު އޭނާއާ ގުޅުން ކަނޑާލެވޭކަށް ވެސް ނެތް، ވާފިރު އަހަންނަށް އިތުބާރެއް ނުކުރަންތަ؟ އަހަރެން ކީއްކުރިއްޔާ ވާފިރު ޔަޤީންކުރާނީ އަހަރެން ފަހުމީއަށް ނުހެއްލޭނެކަން” ދިޔާނާ ތެދުވެގެން އައިސް ވާފިރުގެ ކުރިމަތީ ހުއްޓުނެވެ.

“އެވާހަކަ ދެން ނުދައްކަމާ” ދިޔާނާއަށް ފުރަގަސްދެމުން ކަހަލަ ގޮތަކަށް ވާފިރު ބުނެލިއެވެ. އެހިނދު ވާފިރުގެ އަތުގައި ދިޔާނާ ހިފެހެއްޓިއެވެ.

“ތިދަނީ ހިތްހަމަނުޖެހިފައި ހުރެއެންނު” ދިޔާނާ ކަންބޮޑުވެފައި ބުނެލިއެވެ.

“އިޓްސް އޯކޭ، އަހަރެން ހިތްހަމަނުޖެހިފައެއްނޫން، މީޓިންނަށް ދާންވާއިރަށް ތައްޔާރުވެލާ، އަހަރެން ވެސް މިދަނީ އެއްޗެހިތައް ރެޑީކޮށްލަން” ވާފިރުގެ މޫނުމަތިން ހިތްހަމަޖެހިފައި ހުރިކަން އޭނާ ދައްކަން މަސައްކަތްކުރީ ހިތުގައި އެހެންކަމެއް ފޮރުވައިގެން ހުރި ފަދަ ގޮތަކަށެވެ. އަދި ދިޔާނާގެ އަތުން އޭނާގެ އަތް ވަކިކޮށްލާފައި އެތަނުން ނުކުމެގެން ދިޔައެވެ. އިރުކޮޅަކު ހުރި ފިޔަވަޅުމަތީ ދިޔާނާ މަޑުކޮށްލައިގެން ހުރުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ދުވަހުގެ މަސައްކަތަށް ތައްޔާރުވާން ފެށީ ދެނެވެ. އެވެސް އޭނާއަށް ލިބެންވީ ހިތްހަމަޖެހުން އެންމެ ފުރިހަމަ ގޮތުގައި ނުލިބި ހުރި ފަދަ ގޮތަކަށެވެ.

އަކްމަލް އިނީ ލިބުނު މެސެޖުން ދެރަވެފައެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތަށް ފަރުވާކުޑަނުކޮށްވޭތޯ ބެލިއެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއްހެން މިއަދު މާކުރިންކޮށް ނިންމާލެވުނެވެ. އެހެންކަންތައްވީ އަކްމަލް މިއަދު ސައިކޮޓަރިއަށް ނުދާތީއެވެ. ފައިސަލް އެދުމުން ވެސް އޭނާ ވަނީ ހުރިހާ ދައުވަތަކަށް ދެކޮޅު ހަދާފައެވެ. މިއަދު ބަނޑުހައި ނުވާ ދުވަހެކޭ ބުނެއެވެ. ހަޤީޤަތަކީ އަކްމަލްގެ ޠަބީޢަތަށް އައި ބަދަލު ގުޅިފައިވަނީ ޒީވާއާ ކަމެވެ. އަދީލުގެ ސަބަބުން ޒީވާގެ މައިންބަފައިން ހިތްހަމަނުޖެހިފައި ވާތީ އޭނާ ކުލާހަށް ދާއިރު އާއި ނިމޭގަޑީގައި އޭނާ ބަލާ، ޢާއިލާ މީހަކު އަންނާނެކަން ޒީވާ ބުނީއްސުރެން އަކްމަލްއަށް ވިސްނެނީ އެކަމާއެވެ. މިހާރު ވެސް ހަމައެކަނި ޒީވާއާ ބައްދަލުވާ ގަޑިއަކީ އޭނާ ކުލާހުން ނިމޭގަޑިއެވެ. އެގަޑީގައި ބައްދަލު ނުކުރެވުމަކީ އަކްމަލްގެ ހިތަށް އަސަރުތަކެއް ކުރުވިކަމެކެވެ. އަދި ޒީވާއަކީ ކޮންމެގަޑިއެއްގައި ބޭރަށް ނިކުމެވޭނޭ ކުއްޖެއް ނޫންކަން ވެސް އަކްމަލްއަށް އެނގެއެވެ. ކޮންމެ ދުވަހަކު އެއްފަހަރު ޒީވާ ފެނިނުލާ މިހާރު ކެތްކޮށްލުމަކީ އަކްމަލްއަށް ވާނޭ ވަރުކަމެއް ނޫނެވެ. އެހެންވީރު ދެން ކުރެވެން އޮތީ ކޮންކަމެއްތޯ އޭނާ ވިސްނިއެވެ.

އަކްމަލް ކަންބޮޑުވެފައި ހުރިއިރު، ޒީވާގެ ހާލަކީ ވެސް އެއީއެވެ. އޭނާ ވެސް ވިސްނަމުން ދިޔައީ އަކްމަލްއާ ބައްދަލުކުރަން ހަދާނެ ގޮތަކާމެދުގައެވެ. މިވަގުތު ޒީވާގެ ހަޔާތަށް ބައިވެރިއަކު އައިސްފިކަމުގެ ޚަބަރު މައިންބަފައިންނާއި ހަމައަށް ފޯރުމަކީ އޭނާގެ ގުޅުން ހީނަރުވެގެން ހިނގައިދާނޭ ކަމެއްކަމުގައި ޒީވާ ދުށްޓެވެ. އެހެންވެ އަކްމަލްއާ ބައްދަލުކުރިޔަސް ކުރަންޖެހޭނީ ސިއްރުންކަން އޭނާއަށް ވެސް އަދި އަކްމަލްއަށް ވެސް އެނގެއެވެ. ނަމަވެސް ރަނގަޅު ވަގުތެއް ހޯދައިގެން ވީހާ ވެސް އަވަހަކަށް މައިންބަފައިން ގާތު އަކްމަލްގެ ވާހަކަ ދައްކަން ޒީވާ ބޭނުމެވެ. އެއީ ގިނަދުވަހު ސިއްރުން އުޅުމަކީ އޭނާ ހަޤީޤަތުގައި ބޭނުންވާގޮތެއް ނޫނެވެ. ޤަބޫލުކުރެވޭ ގޮތުގައި ލަބީބު ވެސް އަކްމަލްއާ ވަރަށް ރުހޭވިއްޔާއެވެ. އެހެންވީމާ އެދެމީހުންގެ ގުޅުމާމެދު ލަބީބު ވެސް އަދި ޝީރީން ވެސް ހުރައެއް ނާޅާނެއޭ ޒީވާގެ ހިތް ބުނެއެވެ.

ހިތަށް ކޮންމެ އެއްޗެއް އެރިޔަސް އެކަން ހަޤީޤަތަކަށް ނުވާނޭކަން ސުހާނާ ޤަބޫލުކުރެއެވެ. ބޭނުންވަނީ ހާމިޝްއާއެކު ދިރިއުޅުމެއް ފަށާށެވެ. ކައިވެންޏަށްފަހު އޭނާ ރަނގަޅު މީހަކަށް ހެދިދާނޭކަމުގައި ސުހާނާގެ ޟަމީރު އެއްބަސްވެއެވެ. ހަޔާތުގައި މީހަކުދެކެ އެންމެ ފުރަތަމަ ލޯތްބެއްވެވުނީ ހާމިޝްދެކެ ވިއްޔާއެވެ. ވީއިރު އެލޯބި މަތިން ސުހާނާއަށް ހަނދާންނައްތައެއް ނުލެވުނެވެ. ހާމީޝް އާއި އޭނާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ މަތިން ހަނދާންނައްތާލާނީ ކިހިނެއްހެއްޔެވެ. މައިންބަފައިންނަށް ނޭނގުނު ކަމުގައި ވިޔަސް ސުހާނާ ސިއްރުން ހާމިޝްގެ ޚަބަރު ބަލައެވެ. އޭނާ ސަލާމަތްވެގެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އަނެއްކޮޅުން ހާމިޝްގެ މަތިން ހަނދާންވެ ރޮވޭ ކޮންމެފަހަރަކު ހިތުގައި އަކްމަލްގެ މައްޗަށް އުފެދޭ ނަފުރަތާ ރުޅި އިތުރުވެގެން ދެއެވެ. އެހިތަށް ފިނިކަމެއް ލިބޭނީ އަކްމަލްއަށް ވަރުގަދަ ބޮނޑިއެއް ދެވުނީމައެވެ. އެހެންނަމަވެސް މިހާތަނަށް ސުހާނާގެ ސިކުނޑިއަށް އެވަރުގެކަމެއް ރާވާނޭގޮތްވަނީ ނުވިސްނިފައެވެ. އެހެންވެ އޭނާ އަދިވެސް އެހުރީ އެފަދަ ފުރުޞަތަކަށް ބަލަބަލައެވެ.

ޔަޝްފާ ހިނގާލާފައި އޭނާގެ މޭޒުގެ ކައިރިއަށް ދިޔައީ އަދީލަށް ބަލާލުމެއްނެތިއެވެ. އަދީލަށް އޭނާއަށް ބަލާލެވުނީ އެހެންވެއެވެ. އޭނާ ހީކުރިގޮތާއި ޔަޝްފާގެ އުޅުން މުޅިން ތަފާތެވެ. މިހާރު އޭނާއަކީ އެއޮފީހުގައި އުޅޭމީހެއްކަމެއް ވެސް ޔަޝްފާ ނުދެކޭ ވިއްޔާއެވެ. ގައިގާ ޖެހޭ ނުޖެހޭ ހިސާބުން ދާއިރު ބަލާވެސް ނުލައެވެ. މިކަންކަން ފާހަގަކުރެވުނެއްކަމަކު އަދީލު ވެސް އަޅައެއްނުލިއެވެ. ފަސޭހައިން ފަހަތުން ނެއްޓުނީތީ ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. މިހާރު އޭނާ އަނެއްކާ ވެސް މަސައްކަތްކުރަމުން އެދަނީ އައުގަލެއްގެ މަތީ އިށީނުމަށްވިއްޔާއެވެ. ފަހަތަށް ދޫކޮށްފައި އަންނަ ތަކެއްޗަކީ އޭނާއަށް މުހިއްމު އެއްޗެއް ނޫނެވެ. ފޫހިވެގެން އެއްލާލާ ތަކެތި ހޯދާކަށް އޭނާއެއް ނުދާނެއެވެ.

“ކަލެއަށް ނޭނގުނުތަ މޮޅު އެއްޗެއް ބުނެލާކަށް” އޮފީސް ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލައިގެން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިނދެ އަދީލު ވާހަކަދެއްކިއެވެ.

“އެވަގުތު އެއްޗެއް ބުނަން ނުކެރުނީ، އޭނަގެ މަންމަ ހަޅޭފަޅޭ ޖަހައިގަނެއްޖެ، އަވަހަށް އެގޭން ނުކުމެގެން ދިޔައީ އެހެންވެ، އާދު، ތިކަމެއް ދެން މަށަކަށް ނުވާނެ، ފާއްޓެ އާއި މުނާޒު ވެސް ބުނެއްޖެ އެގެއަށް ދެން ވަންނާކަށް ނުކުރޭނެޔޭ” ފޯނުގެ އަނެއްކޮޅުން އަދީލާ ވާހަކަދައްކަމުން ދިޔަ އޭނާގެ ރަޙުމަތްތެރިޔާ މަޖުދީ ބުންޏެވެ.

“ކަޑައޭ، އެކަންވެސް ފްލޮޕްވީ، އާނ! ދެން ބާއްވަނީ، އަހަރެން ތިކަމަށް ކޮންމެވެސް ގޮތެއް ހޯދާނަން” އަދީލު މިހެންބުނެފައި ފޯނުގެ އަތްގަނޑު ބާއްވާލިއެވެ. އަދި ގޮނޑީގެ ލެނގޭބައިގައި ކަނދުރާ އަޅުވާލައިގެން މައްޗަށް ބަލަންއޮތީ ފިކުރުބޮޑުވެފައެވެ. ސިކުނޑިއަށް އޭނާ ބޭނުންވާ ކަހަލަ ޚިޔާލެއް ނައިސްގެންނެވެ. ކޮންމެ ގޮތަކުން ވެސް ޒީވާ ހޯދަން ބޭނުމެވެ. އެކަމަކު ޒީވާގެ މައިންބައިންނަށް އެކަން ފަޅާއެރުމީ އަދީލަށް އެޅިގެން ދިޔަ ބޮޑު ހުރަހެކެވެ. އޮފީސް ވަގުތުތައް ނަގާލާފައި ޒީވާމެންގޭދޮށުގައި މުގޯލިއަޅަން ހިތަށްއެރިއެވެ. އެކަމަކު އެޚިޔާލު އެއީ އަދި އެންމެ އެދެވޭ ޚިޔާލެއްކަމަކަށް އަދީލަކަށް ޤަބޫލެއްނުކުރެވުނެވެ. އެހެންވެ އެ ޚިޔާލު ދޫކޮށްލިއެވެ.

ލައިސެންސު ލިބުނެއްކަމަކު ޒީވާއަށް ސައިކަލުގައި ކުލާހަށް ދިއުމުގެ ހުއްދައެއް ނުލިބުނެވެ. އޮފީހުގައި ހުރެފައި ލަމްޔާ ގެއަށް އައީ ޒީވާ ގޮވައިގެން ކުލާހަށް ދާށެވެ. އަދި ނިމުނީމާ ބަލައި އަންނާނަން ކަމުގައި ވެސް ބުންޏެވެ. ޝީރީން ފޮނުވުމުގެ ބަދަލުގައި ލަމްޔާ އެމަސްޢޫލިއްޔަތު ނެގީ މަންމައަށް ފަސޭހަކޮށްދޭންވެގެންނެވެ. އެކަމުން ޝީރީން ވެސް ހިތްހަމަޖެހުނެވެ. ސައިކަލުގައި ކުލާހަށް އައިމަގުމަތީ ލަމްޔާ، ޒީވާއާ ސުވާލުކުރިއެވެ.

“އެމީހަކު މިގަޑީގައި ޒީވްއާ ދިމާކުރޭތަ، މިއަދު ވެސް އެބަހުރިތަ” ލަމްޔާ އެހިއެވެ.

“ނޫން، ސައިކަލުގައި އަންނަން ޒީވް ބޭނުންވީ ވެސް އެހެންވެ، އޭނާއަކަށް ނޭނގޭނެއެންނު ޒީވް ސައިކަލު ދުއްވަން ދަސްކުރިކަމެއް، މިހާރު ގަޑިޖެހުމުގެ މާކުރިން ގެއިން ނުކުމުގެ އަންނާކަށް ނުޖެހޭނެ، އަދި ނިމޭވަގުތު ވެސް އަވަހަށް ގެއަށް ދެވޭނެ ސައިކަލުގަ ވީމަ، އަޅެ ސިސް، މަންމަ ގާތު އެހެން ބުނަންވީނު” ޒީވާ ބުނެލިއެވެ.

“މިވަގުތު މީ އެންމެ ރަނގަޅު ގޮތް، ސިސްއަށް ޒީވް ސޭފްހެން ހީވީމާ މަންމަ ގާތު ބުނާނަން ދެން އޯކޭވާނެޔޭ ޒީވް އެކަނި ފޮނުވިޔަސް” ވަރަށް ވިސްނައިގެން އިނދެ ސައިކަލު ދުއްވަމުން ދިޔަ ލަމްޔާ ބުނެލިއެވެ. އޭނާ ސައިކަލުގެ ލޯގަނޑުން ފަހަތަށް ބަލަމުންދިޔައީ އެމީހުންގެ ފަހަތުން ސައިރިކްސް ކޮލެޖާ ހަމައަށް އެއްވެސް މީހަކު އާދޭތޯ ބެލުމުގެ ނިޔަތުގައެވެ. ޒީވާ ނުބުންޏަސް އޭރުން ލަމްޔާއަށް އެމީހަކު ފާހަގަވާނޭތީއެވެ. އެހެންވިޔަސް ޒީވާ ގޮސް ކޮލެޖަށް ވަންއިރު ވެސް މަގުގެ އެއްވެސް ހިސާބަކު މީހަކު މަޑުކޮށްލައިގެން ނެތެވެ. އަދިވެސް އެއްފަހަރު ރަނގަޅަށް މަގުގެ އެކިފަރާތްފަރާތަށް ބަލާލާފައި ލަމްޔާ ސައިކަލު ދުއްވާލީ އޭނާގެ އޮފީހަށް ދިއުމަށެވެ.

ކުލާސްނިންމާފައި ކޮލެޖުން ޒީވާ ނުކުންއިރު އާދަކޮށް އަދީލު އިންނަ ހިސާބުގައި މަޑުކޮށްލައިގެން އިނެވެ. ހަމައެވަގުތު ކޮލެޖުގެ ދޮރާ ތަންކޮޅެއް ކައިރީގައި ލަމްޔާ އިންތަން ވެސް ފެނުނެވެ. އެއްވެސް ދިމާލަކަށް ނަޒަރު ހިންގާލުމެއްނެތި ހަލުވިކޮށް އައިސް ލަމްޔާގެ ފަހަތަށް އޭނާ އަރައިފިއެވެ. ތަފާތު ގޮތަކަށް ޒީވާއަށް ބަލާލުމަށްފަހު ލަމްޔާ ސައިކަލު ދުއްވާލިއެވެ. އަދި ކޮލެޖާ ތަންކޮޅެއް ދުރަށް ދެވުމާއެކު ކުރިން ވެސް ލަމްޔާ ޖަވާބު އެނގެން ބޭނުންވި ސުވާލު ޒީވާއާ ކުރިއެވެ. މިފަހަރު ވެސް ޒީވާ ސިއްރުކުރީއެވެ. އަދީލު ނުފެންނަ ކަމުގައި ބުނެއެވެ. އެހެން ރޭ ރޭޔާ ޚިލާފަށް މިރޭ އަދީލު ދޮރުމަތީ އިނެއްކަމަކު ލަމްޔާއާއެކު ޒީވާ ދިޔަތަން ފެނުމުން އެމީހުންގެ ފަހަތަކުން ނާދެއެވެ. އެކަމާ ކޮންމެވެސް ވަރަކަށް ޒީވާ ހިތްހަމަޖެހުނެވެ. ގެއަށް އައިސް ވަދެވުމާއެކު ޝީރީން ވެސް އެދެމީހުންނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ސިޓިން ރޫމުން ނުކުންނަން އައި ލަބީބަށް ނޭނގޭނޭހެން ލަމްޔާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. ޒީވާ ދިޔަގޮތަށް އޭނާގެ ކޮޓަރަށް ވަނީއެވެ.

“ދެކުދިން ވެސް ނަމާދަށް އަރާތި އިނގޭ” ސިޓިން ރޫމުން ނުކުތް ލަބީބު މިހެން ބުނެފައި ހިނގައްޖެއެވެ.

“ބައްޕަ މިއަދު ހާދަ ލަސްވީ، އެހެންޏާ މަޤްރިބު ނަމާދަށް ގޮވާނީ މިސްކިތުގައި ހުއްޓައި” ސިޓިން ރޫމު ފާރުގައި ހުރި ގަޑިއަށް ބަލާލާފައި ލަމްޔާ އެހީ ޝީރީން ގާތުގައެވެ.

“ބައްޕަމެން އޮފީހުގެ ފަރާތުން ކޮންމެވެސް ތަނަކަށް އެއްޗެހިތަކެއް ގެންދަންޖެހިގެނޯ، މަންމައަކަށް ވެސް ނޭނގެ، ދެން ބުނެބަލަ، އެމީހަކު ޒީވްގެ ފަހަތުން މިއަދު އައިތަ” ޝީރީން އޮޅުންފިލުވަން އުޅެގަތެވެ.

“ނުދެކެން މިއަދަކު، ޒީވް ގޮވައިގެން ދިޔައިރު ވެސް ބަލާ ދިޔައިރު ވެސް އެމީހަކުނެތް، ހީވަނި މަންމަ އެއްޗެހިކީމަ ބިރުން ފިލީހެން، ރަނގަޅެންނު ދެން ޒީވްއަށް އުނދަގޫ ނުކުރަންޏާ” ލަމްޔާ ބުނެލިއެވެ. އަދި އޭނާ ވެސް ދިޔައީ ކޮޓަރިއަށެވެ. ޔުނިފޯމު ބަދަލުކޮށްލައިގެން ބައްޕަ އެދުނުހެން ނަމާދު ވަގުތު ނުގެއްލެނީސް ނަމާދަށް އެރުމަށެވެ.

ބިއްދޮށަށް އެނބުރިއޮތް ޒިވާ ސިއްރުން ކަހަލަ ގޮތަކަށް އަކްމަލް ފޮނުވާފައި ހުރި މެސެޖުތައް ކިޔަންއޮތެވެ. އެހެންއޮއްވާ ދާދިކައިރިން އޭނާގެ ކޯތާފަތާ ދިމާލުން ހޫނު ނޭވާގެ އިޙްސަސް ކުރެވޭހެން ހީވިއެވެ. މަޑުމަޑުން އޮވެ ލޮލުގެ ހިމަކޮޅުން ކޮނޑާ ދިމާލަށް ބަލާލި ވަގުތު އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު މީހާއަށް ފުންމައިގަނެވުނެވެ. އެހިނދު ޒީވާ ބިއްދޮށަށް އެނބުރިއޮވެގެން ސިއްރުން ކުރަނީ ކީއްކަން ބަލަން އެނދަށް އަރާ އޮތް ރީމް ކުއްލިއަކަށް ތެދުވަން އުޅެން ހަދައިގެން ތަޅުންމައްޗަށް ވެއްޓުނެވެ.

“ރީމް…” ރުޅި އާއި ބިރާއި ހާސްކަން އެކުލެވިފައިވި ގޮތަކަށް ޒީވާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އަދި އަވަސްއަވަހަށް ކޮއްކޮ ނެގުމަށް އުޅުނެވެ.

“ނިދަން އެނދަށް އެރުވީމަ ކޮންމެހެން ޖެހޭތަ ފައިބަން، ތަދުވިތަ” ހިތްހަމަނުޖެހިފައި ހުރެވެސް ރީމް ވެއްޓި އޭނާގެ ބުޑުމަތި ތަޅުމުގައި ޖެހުނީތީ ޒީވާއަށް ކޮއްކޮގެ ގައިގާ ފިރުމާލެވުނެވެ.

“ސޮރީ، ރީމްއަށް އެނގޭ ތުއްތަ ހޭލާކަން އޮތީ، ރީމް ހީކުރީ ތުއްތަ ފޯނުން ފިލްމު ބަލަނީކަމަށް” ތަދުނުވާކަމަށް ދެފަރާތަށް ބޯހޫރާލި ރީމް ބުނެލިއެވެ.

“ތިކަހަލަ ކަންތައްކުރާކަށް ނުވާނެއެންނު، ތުއްތަ ބިރުންގޮސް ރީމް ކޮއްޕާލެވުނުނަމަ އަނިޔާނުވެއެއްނުދާނެ، އިސްތަށިގަނޑު ނިއުޅާލައިގެން ހީވަނީ ހަނޑިގަނޑެއްހެންނޭ، ދޭ އެނދަށް އަރަން، ދެން ނުފައިބާތި، ބަލާބަލަ ރުވާ، މިހާރު އެއޮތީ ނިދާފައި،

އެހެންނޫނަސް ބޮޑެތި ކުދިން އުޅޭ ގޮތަށް ކުޑަކުދިން އަދި އުޅޭކަށް ނުވާނެ، ރީމް ވެސް އަދި ބޮޑުކުއްޖަކަށްވާނެ، އެހެންވެ އެންނު ބާތްޑޭ އަންނަނީ… ދޯ” ރުޅި އައިސްގެން އެއްޗެހި ކިޔުމުގެ ބަދަލުގައި ޒީވާގެ އޭނާގެ ރާގު ބަދަލުކޮށްލިއެވެ. ވަރަށް ފަސޭހައިން ރީމް ޤަބޫލުކުރިއެވެ. އަދި ސިޑިންލާފައި މަތީ އެނދަށް ރީމް އެރިއެވެ. ޒީވާ، ކޮއްކޮގެ ގައިގާ ރަޖާއަޅާލަދެމުން ބޮލުގައި ފިރުމާލާފައި އައިސް އޭނާގެ އެނދަށް އެރިއެވެ.

ފޯނު ރިންގުވާންފެށީ ޒީވާއަށް ނިދިޖެހެމުންދިޔަ ވަގުތެވެ. ދިގު އިންތިޒާރެއްގެ ނިމުން އައި ކަހަލައެވެ. ދެލޯ ތަންމިނަށް ހުޅުވާލުމާއެކު ޒީވާ އަވަސް އަވަހަށް މޫނާއި އިސްތަށިގަނޑު ރީތިކޮށްލުމަށް އަތްހާކާލިއެވެ. އަދި ހިނިތުންވެލަމުން ފޯނުގެ ސްކްރީނުން މޫނު ފެންނަ ހިސާބުގައި ފޯނު ބަހައްޓާލަމުން ކޯލަށް ޖަވާބު ދިނެވެ. އެވަގުތު ޒީވާއަށް ގުޅީ އަކްމަލްއެވެ. ވީޑިއޯ ކޯލްގެ ސަބަބުން ދެމީހުންގެ ދެމެދުގައިވާ ދުރުމިން ކައިރިވެގެންދިޔައެވެ. އަކްމަލް ކުރުއަތްމައްޗަށް އޮށޯވެލައިގެން އޮތްއިރު އޭނާއަށް ޒީވާގެ ހިނިތުންވެލައިގެން އޮތް މޫނު ފެންނަމުންދިޔައެވެ.

“ޒީވް، އަހަންނަށް މިހާވަރަށް މީހަކުދެކެ ލޯބިވެވިދާނެކަމަކަށް ހިޔެއްނުކުރަން” ޒީވާއަށް ހީވީ އޭނާގެ ގާތުގައި އޮވެފައި އަކްމަލް އެހެން ބުނެލިހެންނެވެ.

“އައި ލަވް ޔޫ އެންޑް އައި ހޭވް މިސްޑް ޔޫ ސޯ މަޗް” ޒީވާއަށް ވަގުތުން ބުނެލެވުނެވެ. މާޔޫސްކަން ޒީވާގެ ދެލޮލުން ފެނިގެންދިޔައެވެ.

“ޒީވް، އަހަރެން ބޭނުން ޒީވްއާ ބައްދަލުކުރަން، އަންނަ ހުކުރުވިލޭރޭ އަހަންނާ ބައްދަލުކޮށްފާނަންތަ، އެނގޭ އުނދަގޫވާނެކަން، އެހެންވިޔަސް… ޕްލީޒް…” އަކްމަލް އާދޭހުގެ ރާގުގައި ބުނުމުން ޒީވާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ކަންބޮޑުވީ ގެއިން ނުކުތުމަކީ ކުރިއަށްވުރެ ވެސް އުނދަގޫކަމަކަށް މިހާރު ވެފައި އޮތުމުންނެވެ. ކޮންމެތަނަކަށް ޒީވާ ދިޔަނަމަވެސް އޭނާއާއެކު ޢާއިލާގެ ކޮންމެވެސް މީހަކު ހުރެއެވެ. އެހެންވެ އޭނާގެ އަމިއްލަ މިނިވަންކަން އެއްކޮށްހެން ވަނީ ގެއްލިފައެވެ.

ސިއްރުން ކަހަލަ ގޮތަކަށް ފޯނުން ވީޑިއޯ ކޯލު ކުރަން އޮތް ޒީވާ ދޭތެރެއަކުން ފަހަތަށް ބަލާނަނީ ރީމް ހޭލަފާނެތީއެވެ. އެގޮތަށް ފޯނުގައި އޭނާ އެތަށްއިރެއް ވާންދެން އޮތެވެ. ވަރުބަލިވެ ދެލޯ ހުޅުވައިގެން އިތުރަށް އޮތުން ދަތިކަމަކަށް ވަންދެނެވެ. ނިދެމުންދިޔައިރު ވެސް ޒީވާގެ ތުންފަތްމަތިން ފެންނަމުން ދިޔައީ ލުއި ހިނިތުންވުމެކެވެ. ހިތްހަމަޖެހިފައި އޮތްކަން އެނގެއެވެ. އޭގެ އިތުރުން އަކްމަލްއާ ބައްދަލުވާނެ ވަގުތެއް އެނގުމުން އެވަގުތަށް މިހާރުއްސުރެ އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ.

“ޒީވާ، ދަރިފުޅު މިހާރު ހާދަ ކަންނެތްވެއްޖެޔޭ، ފަތިސް ނަމާދުކޮށް ނިމޭއިރު ވެސް ލޮލުން ނިދިފިލާގޮތެއް ނުވޭ ދޯ” ޝީރީން ރޮށި ދަމަމުން ޒީވާއަށް ބުނެލިއެވެ. އޭރު އޭނާ ރޮށި ދަމާ ވަރަކަށް ރޮށި ފިހެން އުނދުން ކައިރީ ޒީވާ ހުއްޓެވެ. އިރުއިރުކޮޅާ އޭނާ އާފުރިލާތަން ޝީރީނަށް ފެނެއެވެ.

“ކުޑަކޮށް ފޮތްތައް ބަލާލަން ތަންކޮޅެއް ދަންވަންދެން އިނދެވެނީ، ޓެސްޓު ވެސް ކައިރިވެއްޖެ، އެހެންނޫނަސް ރީމްމެން ނިދީމަ ނޫނީ ފޮތެއްކިޔައެއްނުލެވޭނެ، މަންމާ! ކޮންއިރަކުންތަ އަހަންނަށް ކޮޓަރިއެއް ދޭނީ” ޒީވާ ނުނިދާ އިނުމުގެ ހަޤީޤީ ބޭނުން އޭނާ ސިއްރުކުރިއެވެ. އަދި ދައްކަމުން ދިޔަ ވާހަކަ އެހެން ދިމާލަކަށް އަނބުރާލެވޭތޯ އޭނާ ބެލިއެވެ.

“ބަލަ ޒީވާއަކަންނު މިހިރަ ކޮޓަރި އެހަދަނީ، އެތަން ނިންމޭތޯ ބައްޕަ ވަރަށް މަސައްކަތް އެބަކުރޭ، ކޮންމެވެސް އެއްޗެއް ނުލިބިގެންނޭ ބުނީ މެދުކެނޑިފަ އެހެރީ” ޝީރީންގެ އެޖަވާބުން ޒީވާ ބޭނުންވި ގޮތްވީއެވެ. އަދި ނިދީގެ އަސަރު ފިލުވާލެވޭތޯ ޒީވާ މަސައްކަތްކުރިއެވެ.

މާޔޫސްވެފައި އިން މީހަކު ފަދައިން އަދީލު އޭނާގެ މޭޒު ދޮށުގައި އިނީ އުޅަންބޮށި ވިއްދާލައިގެން އިން އަތްތިލައިގައި ދަތްދޮޅި އަޅުވާޅައިގެންނެވެ. މިތަން ޕާޓިޝަންގެ އަނެއްފަރާތުގައި އިން ފަރުހާދު ތެދުވިތަނާ ފެނުނެވެ. އޭނާއަށް އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ. އެހެންވެ އަތުގައި އޮތް ލިޔުންތައް ގެންގޮސް ވެރިޔާގެ ކެބިންގެ ތެރެއަށް ލުމަށްފަހު އައިސް އަދީލުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

“ނެގިމަޑުވެފައި ކަލޯ ތިއިނީ އަނެއްކާ ކިހިނެއްވީ؟ އަޑުއެހިން މިއުޅޭ ޔަޝް ދޫކޮށްލި ވާހަކަ” ފަރުހާދު ބުނެލިއެވެ.

“އޭނަގެ ވާހަކަ އަހަރެން ކައިރީ ދައްކާނެކަމެއްނެތް” ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އަދީލު ވާހަކަދެއްކިއެވެ.

“އެޔޯ! އެކަމާތަ ތިއިންނަނީ ބޯގޮވާފަ” ފަރުހާދު ބޭނުންވީ އަދީލުގެ ރޫހެއް ނެތިފައި އިން ސަބަބު އެނގޭށެވެ.

“މިއަދަށް މަސައްކަތްތައް ނިންމާލީތަ؟” އަދީލު އިނީ ފަރުހާދަށް އޭނާގެ ސިކުނޑި ހާސްކުރުވަމުންދާ ކަންތަކުގެ ހަޤީޤަތް އޮޅުންފިލުދޭން ބޭނުންނުވެފައެވެ. ފަހަރެއްގައި ފަރުހާދު ގޮސް ޔަޝްފާ ގާތު އެއްވެސް ވާހަކައެއް ދައްކައިފިއްޔާ އޭނާ ޔަޝްފާއާ ދުރަށްދިޔައީ ކީއްވެކަން ފަޅާއަރާފާނެތީއެވެ. ފަރުހާދު ވަރަށް ގިނައިން ޔަޝްފާމެންނާއެކު ސައިބޯން ދާތަން އަދީލަށް ހުރީ ފެނިފައެވެ.

“މަސައްކަތް އެބަހުރި، އެކަމަކު މިއަދު އާދު ހިޔެއްނުވޭ މަސައްކަތެއްކުރާ ހިތުން އިންހެން، ބުނަން ބޭނުންނުވަންޏާ ނުބުންޏަސް އެންމެ ރަނގަޅު، އޯކޭ” ފަރުހާދު އެނބުރިލީ އޭނާގެ މޭޒުގެ ދޮށަށް ދިއުމަށެވެ. އެއްޗެއް ނުބުނެ އަދީލު، ފަރުހާދަށް ބަލަހައްޓައިގެން އިނީއެވެ.

ހަފްތާ ނިމުމަކަށް އައީއެވެ. ހަމައެގޮތަށް ޒީވާގެ އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. މިއަދަކީ ހުކުރު ދުވަހަށްވެފައި ޒީވާ އިނީ އަކްމަލްގެ ޚަބަރެއް ވާނޭ އިރެއްގެ އިންތިޒާރުގައެވެ. އަނެއްކޮޅުން ފުރަތަމަ ފަހަރަށް ސައިކަލުގައި އެކަނި ދުއްވާލުމުގެ ހުއްދަ ޝީރީން ވަނީ ޒީވާއަށް ދީފައެވެ. ރަޙުމަތްތެރިންތަކަކާއެކު ގުރޫޕު ސްޓަޑީ ހެދުމުގެ ބަހަނާގައި ޒީވާ ގެއިން ނުކުތީ އަކްމަލް ކުރި މެސެޖާއެކުއެވެ. އޭރު ހަވީރު ފަހެއްޖަހަނީއެވެ.

“ދަރިފުޅާ، ލަސްނުވެ އަނައްޗޭ، ސައިކަލުގައި ވިޔަސް މަގުމަތީ ބަލައިގެން ދުއްވާތި، ފޯނު އެބަ ގެންދަން ދޯ” ސިޓިން ރޫމުގައި އިން ލަބީބު ޒީވާ ނުކުންނަން ފެށުމުން ބުނެލިއެވެ. އެއާއެކު ބޯޖަހާލި ޒީވާ އުފަލުން ހުރެ ގެއިން ނުކުމެއްޖެއެވެ.

ސައިކަލަށް އެކަނި އެރި ފުރަތަމަ ފަހަރުވިޔަސް ޒީވާ ބިރުކަނޑާލާފައި ސައިކަލު ދުއްވާލިއެވެ. އަދި އަކްމަލް އާއި ބައްދަލުކުރަން ބުނެފައިވާ މަންޒިލާ ދިމާލަށް ސައިކަލު ދުއްވަމުން އައެވެ. އޭނާ މަޑުކޮށްލީ ވިލިގިލީ ފެރީ ޓާރމިނަލްގެ ޕާކިން ސަރަޙައްދުގައެވެ. ހަމައެވަގުތު އޭނާއާ ދިމާލަށް ހިނގާފައި އަންނަ އަކްމަލް ލޮލުގައި އަޅައިގަތެވެ. ވަގުތުން ޒީވާގެ ހަތަރެސްފައި ފިނިވާގޮތް ވިއެވެ.

“ޕާކުކޮށްލާފައި އަހަންނާއެކު އަންނަންވީނު، ފެރީ މިހާރު އެނައްޓާލަނީ” ކަޅިވެސް ޖަހާނުލާ ބަލަންހުރި ޒީވާއަށް އަކްމަލް ބުންޏެވެ.

“އާން… އާން!” ނިކަން އަވަހަށް މިހެން ބުނެލުމާއެކު ޒީވާ ކޮޅުކޮޅު ހޯދާލިއެވެ. އަދި ޕާކުކޮށްލާނޭތަންކޮޅެއް ފެނުމާއެކު ސައިކަލު އެދިމާލަށް ވައްދާލިއެވެ.

“ހާދަ ރީއްޗޭ މިއަދު” އަކްމަލްގެ ގާތުގައި އައިސް ޒީވާ މަޑުކޮށްލުމާއެކު އޭނާ ބުންޏެވެ. އެއާއެކު ޒީވާ ވަގުތުން ރަކިވިކަން އޭނާގެ މޫނު ހެކިދިނެވެ. މަޑުކުރުމެއްނެތި އަކްމަލް ކުރިއަށް ހިނގައިގަންނަމުން ޒީވާގެ އަތުގައި ހިފާލިއެވެ. އެހިނދު ޒީވާގެ ދެފައި މަސައްކަތް ކުރީ އޭގެ އަމިއްލަ ޒާތުގައެވެ. އެއްވެސް ހިފޭއްޓުމެއްނެތިއެވެ. އަކްމަލް އޭނާ ގެންދާ ކޮންމެ ދިމާލަކަށް ދިއުމަށް ވެސް ތައްޔާރަށް ހުރި ކަހަލައެވެ.

މަޑުހިނގުމުގައި ވިލީގިލީގެ އަތިރިމަތީ ހިނގަމުން އައި ޒީވާއަށް އޮއްސެމުންދިޔަ އިރުގެ ހިތްގައިމު ކުލަތަށްފެނި ހުއްޓެވުނެވެ. އެމަންޒަރު މިހާ ހާމަކަން ބޮޑުގޮތަކަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ފަޒާގައި އެނބުރެމުންދިޔަ ވައިރޯޅިތަކުގެ ދުވެލިވެސް ބަދަލުވެފައި ވާކަހަލައެވެ. ގައިގާ އައިސް ބީހިލާ ގޮތް ތަފާތުހެން ޒީވާއަށް ހީވެއެވެ. ރީތިކޮށް ފުނާއަޅާފައި ހުރި އިސްތަށިގަނޑު ޒީވާގެ ބޯހާވާލައިފިއެވެ. މޫނުމައްޗަށް އިސްތަށީގެ ގޯނާތައް ކުރިމަތިވީ ވައިރޯޅީތަކުގެ ސަބަބުންކަން އެނގެއެވެ. ދެއަތުން ކަހަލަ ގޮތަކަށް އިސްތަށިތައް މޫނުމައްޗަށް އެޅުނަނުދީ ހިފަހައްޓަން އޭނާ މަސައްކަތްކުރަމުންދިޔައެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދިމާކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށެވެ. އެހެންނަމަވެސް އަކްމަލްގެ ހިތްދަމައިގަތީ ޒީވާއެވެ. ޒީވާއާ ދެތިން ފިޔަވަޅު ދުރުގައި ތަންކޮޅެއް ފަހަތުގައި މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޒީވާގެ ހަރަކާތްތަކަށެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލަނީ އެހިތަށް އަރާފައިބާ ޚިޔާލުތަކުންނެވެ.

“އަކްމަ…” ކުއްލިއަކަށް ޒީވާއަށް އަކްމަލްއަށް ނަންކިޔާލެވުނީ މީހަކު ފަހަތުން އައިސް އޭނާގެ ގައިގާ އަތްލުމުންނެވެ.

“މިއިސްތަށިތަކާ ހުރެ ޒީވްއަށް ވަރަށް އުނދަގޫވާހެން ހީވެ ނުހުރެވިގެން މިއައީ، އަހަންނަށްވުރެ ބޮޑަށް މިއިސްތަށިތަށް ޒީވްއަށް ގޯނާ ކުރާތަން ފެނުމުން ވަރަށް ޖެލަސްވެއްޖެ” ކުޑަކޮށް ހީނލަމުން މިހެންބުނި އަކްމަލް، ޒީވާގެ ކުރު އިސްތަށިގަނޑު ދެއަތުން ހިފަހައްޓާލީ އޭނާގެ މޫނަށް އެންމެ އިސްޓެއް ވެސް ނުވެއްޓޭނޭހެންނެވެ. އެހިނދު ޒީވާ ލުއިގޮތަކަށް ހީނލިއަޑުއިވުނެވެ. އަކްމަލް މަޑުމަޑުން ޒީވާގެ ފުރަގަހުގައި ހުރެ އޭނާއާ ގާތްވަމުން އައިސް ޒީވާގެ ބުރަކަށީގައި ހަށިގަނޑު ޖެހޭހާ ގާތްވެލިއެވެ. އޭރު އޭނާ ވެސް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

“އިރުއޮއްސޭ މަންޒަރަކީ ކިހާ ރީތި މަންޒަރެއްކަން ޤަބޫލުމިކުރެވުނީ އަދިކިރިޔާ، މިމަންޒަރު ސިފަކުރާނީ ކިހިނެއް ކޮންގޮތަކަށްކަމެއް ވެސް ނޭނގެ، މިހާތަނަށް ކިޔުނު އެއްވެސް ވާހަކަ ފޮތެއްގައި ވެސް ނުކިޔަން ލޮލަށް މިފެންނަހާ ފުރިހަމަކޮށް ސިފަކޮށްދެވިފައި އޮއްވައެއް… އަޅެ ފުރިހަމައެއްނޫންތަ އަކްމަލް…” ޒީވާ ބުނެލިއެވެ.

“އަހަރެން އަޖައިބުކުރުވީ ހަމައެކަނި ޤުދުރަތުގެ ތި މަންޒަރު އެކަންޏެއްނޫން، އަހަރެންގެ ކުރިމަތީގައި މިވަގުތު މިހިރީ ވެސް ޤުދުރަތުގެ ރީތި، ހިތްގައިމު މަންޒަރެއް… ކޮންމެ މީހަކަށް ހަމަޔަޤީނުންވެސް މި ނަސީބެއް ނުލިބޭނެ، އެނގޭތަ؟، ޒީވް ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިން އަހަރެން ހަނދާންނެތޭ” އަކްމަލް މިހެން ބުނެލަމުން ޒީވާގެ ބޮލުގެ އެއްފަރާތުގައި އޭނާގެ ބޯޖައްސާލިއެވެ. އެއާއެކު ޒީވާގެ ހަށިގަނޑު އަކްމަލްގެ ގައިގާ ޖައްސާލީ އޭނާގެ ގައިން ވާގިދޫކޮށްލަމުން ކަހަލަ ގޮތަކަށެވެ. ޒީވާއަށް ޔަޤީންވާކަމަކީ ފަހަރެއްގައި ވެސް އަކްމަލް، އޭނާގެ އެ ބާރުގަދަ ދެއަތުގެ ތެރެއިން ޒީވާ ދޫވެގެން ވެއްޓުނަ ނުދޭނޭކަމެވެ. އޭނާ ޒީވާއަށް ދެރައެއް ނުދޭނެކަމެވެ. އެއީ ޒީވާ ވެސް އަކްމަލް ދެކެ ވަނީ ހަޤީޤީ ލޯތްބިކަމަށް ވާތީއެވެ.

“ޒީވްއާއެކު އިރުއޮއްސޭ މަންޒަރު ބަލާލުމަކީ އަހަރެން ކުރަން ބޭނުންވިކަމެއް، ވަރަށް އުފާވެއްޖެ ޒީވް ތިހާ ބޮޑަށް ހިތްހަމަޖެހިފައި ހުރިކަން އެނގުނީމަ” އަކްމަލް އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

“ދެން އޯކޭވާނެ އިސްތަށިގަނޑުން ދޫކޮށްލިޔަސް، މިތާ ވަރަށް މީހުން ވެސް އެބައުޅެންނު” އަތިރިމަތީ ވެލިގަނޑުގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި މޫދުން އަރައިގެން އަންނަ މީހުންގެ ނަޒަރު ޒީވާ އާއި އަކްމަލްއަށް ހުއްޓެންފެށުމުން ޒީވާ ބުނެލިއެވެ. އެއާއެކު ކުޑަކޮށް ހީނލާފައި އަކްމަލް، ޒީވާގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ.

“ވަރަށް ގިނަ މީހުން ބުނޭ ފިރިހެން ކުދިންނަށް އަންހެން ކުދިން ރީތިވާ ކަމެކޭ އެއީ އިސްތަށިގަނޑު ދިގުކޮށްހުރުން، އެއީ ތެދެއްތަ؟” އަކްމަލް، ޒީވާގެ އިސްތަށިގަނޑުން ދޫކޮށްލާފައި އެއްއަތުން ޒީވާގެ ކޮނޑުގައި ހިފާ ގާތްކޮށްލުމާއެކު ޒީވާ ސުވާލުކުރިއެވެ.

“އެހެން ފިރިހެނުންގެ ގޮތެއް އަހަންނަކަށް ނޭނގެ، އަހަންނަށް ޒީވް ކަމުދިޔައީ ތިހުރިގޮތަށް، ޒީވްގެ އިސްތަށިގަނޑު ކުރުކޮށް ހުއްޓަސް ވަރަށް ގުޅޭ ޒީވްއާ” އަކްމަލް ވަގުތުން ޖަވާބުދިނީ ޔަޤީންކަމާއެކުއެވެ.

މަޑުމަޑުން އަނދިރިކަން ވެރިވަމުން ގޮސް އަތިރިމަތީގައި މީހުން ވެސް މަދުވެއްޖެއެވެ. ވާހަކައިގައި ތިބެ އަކްމަލް އާއި ޒީވާވެސް ހިނގަމުން އައިސް އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީނދެ ތިއްބެވެ. އެހެންޏާ ނުދެކެވޭ ކަހަލަގެ ވާހަކަތަކެއް ދެމީހުންގެ މެދުގައި ދެކެވެމުންދިޔައެވެ. ޒީވާ މުސްތަޤުބަލަށް ކުރާ އުންމީދުތަކަކީ ކޮބައިތޯ އެނގެން އަކްމަލް ވަރަށް ބޭނުންވިއެވެ.

“ޒީވް، އަހަރެން ޒީވްގެ ބައްޕައަށް ދޮގެއް ހެދިން” އެކިއެކި ވާހަކަތައް ދައްކަމުން ދިޔަ އަކްމަލް ކުއްލިއަކަށް ބުނެލިއެވެ.

“ކޮން ދޮގެއް” ހައިރާންކަން ވެރިވެގެންދިޔަ ޒީވާއަށް ވަގުތުން އަހާލެވުނެވެ.

“އަހަންނަކީ އެހާ އޯޕަން މީހެއްނޫން، އެހެންވެ ކޮންމެ މީހަކު ކުރާ ސުވާލަކަށް ޖަވާބުދިނުމަކީ ފަސޭހަކަމަކަށްނުވޭ، އަހަރެން ޒީވްގެ ބައްޕައަށް އެދުވަހު ވޮލެޓު ގެންގޮސްދިނީ އެއީ އެކަން ކުރަންޖެހޭނޭ ގޮތްވީމަ، އޭގެ ބަދަލުގައި ޒީވްގެ ބައްޕަ އަހަރެންގެ ވަނަވަރު ބަލަން އުޅުނު ފަދަ ގޮތަކަށް މާސުވާލުތައް ގިނަކޮށްލީމާ އަހަންނަށް ބުނެވުނީ އަހަރެން އުޅެނީ މައްޗަންގޯޅީގައޭ، އަސްލު އަހަރެންގެ ގެ ހުންނަނީ ހެންވޭރުގައި، ޒީވް، އެނޫނީ އެއްވެސް ދޮގެއް ނޯންނާނެ ބުނެފައެއް” މިފަހަރު އަކްމަލްގެ އަޑުގައި ޖެހިލުންވުން ހުއްޓެވެ.

“އެއީ އެވަރުކަމެއް ނޫނެންނު، ނާވަސްވެގެން ގޮސްވެސް އެކަހަލަ އެއްޗެއް ބުނެވިދާނެ، އުފާވެއްޖެ އަހަރެން ގާތު އަކްމަލް ތެދު ހާމަކުރީތީ” އަކްމަލްގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ޒީވާ ހިނިތުންވެލިއެވެ.

“އަހަރެން ވިސްނަން ކައިވެންޏަކާ ހަމައަށް ދާން، އެނގޭ އަދި ވަރަށް އަވަސްކަން، ރަނގަޅަށް ދެމީހުން ނުވެސް އެނގޭކަން، އެހެންވިޔަސް އަހަންނަށް ހީވަނީ މިހާރު އަހަންނަށް ޒީވް އެނގި ދަސްވެއްޖެހެން، ބޭނުންވަނީ ތީ އަހަރެންގެ މީހަކަށް ހަދަން، އަހަރެން ބިރުގަނޭ އަހަންނަށް ޒީވް ގެއްލިދާނެތީ، އަހަރެންގެ ފުރަތަމަ ލޯބި އަތުން ބީވެގެން ދާކަށް ބޭނުމެއްނޫން، އެކަމަކު ޒީވް ނުގަބޫލުކަމެއް ކުރަން މަޖުބޫރެއް ނުކުރާނަން، އެކްޗުއަލީ، އައެމް އަ ވަން ވުމެން މޭން، ސޯ… އަހަރެން ޒީވް ގާތު އަހަންނާއެކު އަހަރެންގެ ގެއަށް ދާން ބުނެފިއްޔާ ދާން ކެރޭނެތަ؟” ޒީވާގެ އަތުގެ އިނގިލިތަކާ ކުޅެމުން އަކްމަލް ވާހަކަދެއްކިއެވެ.

“އަކްމަލް، އަހަރެން ވެސް ބޭނުންވަނީ އަކްމަލްއާއެކު ސީރިއަސް ރިލޭޝަންޝިޕެއް، އެކަމަކު ކައިވެނިކުރަން އަދި ވަރަށް އަވަސްހެން ހީވަނީ، އަހަރެންގެ މަންމަމެން ހިޔެއްނުވޭ ތިކަމަށް ޤަބޫލުވާނެހެނެއް، ކިޔެވުން ނިމެންދެން އިހަށް މަޑުކޮށްލަމާ” ޒީވާ އިރުކޮޅަކު ވިސްނާލަން އިނދެފައި ބުންޏެވެ.

“އައި ކެން އަންޑަރސްޓޭންޑް، އަހަރެން މަޑުކޮށްފާނަން ޒީވް ކިޔަވާ ނިމެންދެން، އަސްލު އަހަރެން ބުނަން މިއުޅޭ ވާހަކައަކީ، އަހަރެން ބޭނުމެއްނޫނޭ މިގޮތަށް ސިއްރުން ބައްދަލުކުރާކަށް، އެތަންމިތަނުން ދެމީހުން ބައްދަލުކުރުމަށްވުރެ ޢާއިލާ މީހުންނަށް މިގުޅުން އެންގުން ވަރަށް މުހިއްމު، އަދި އަހަރުމެން ކައިވެންޏަކާ ހަމައަށް ދާން ވިސްނާކަން އެމީހުންނަށް އެނގުން ވެސް މުހިއްމު، އެހެންވެ، އަހަރެން ބޭނުންވަނީ މިގޮތަށް ބޭރުގައި ޒީވް ގޮވައިގެން އުޅުމުގެ ބަދަލުގައި އަހަރެންގެ އަމިއްލަ ގެއަށް ޒީވް ގެންދަން، އޭރުން އަހަރެންގެ ޢާއިލާ މީހުންނާ ވެސް ބައްދަލުވާނެ، ގޭގައިވީމާ ހަމަޖެހިލައިގެން ވެސް ތިބެވޭނެ” އަކްމަލްގެ ޚިޔާލު ހުރިގޮތް އޭނާ ހާމަކުރިއެވެ.

“އަކްމަލްގެ ފެމެލީ ތިގޮތް އެކްސެޕްޓް ކުރިއަސް އަހަރެންގެ ފެމެލީ ހިޔެއްނުވޭ ތިގޮތް ޤަބޫލުކުރާނެހެން، މަންމަމެން ބޭނުމެއްނުވާނެހެން ހީވަނީ އަދި އަހަރެން ކުއްޖަކާ ރައްޓެހިވާކަށް، އަދި އެކުއްޖާ ގެއަށް ގެނެސްގެން އުޅޭކަށް، ބައްޕައަކީ ނުލާހިކު ކަންތައްފަލަ މީހެއް، ރޫލްސްގަ ހިފަހައްޓާނެ، ބައްޕަ ނުގަބޫލުކަމެއް އެކަކަށް ވެސް ކުރާކަށް ނުކެރޭނެ” ޒީވް އިނީ ކަންބޮޑުވާގޮތްވެފައެވެ.

“އެދުވަހު އަހަންނާއި ޒީވްގެ ބައްޕަ ދިމާވިއިރު ނުޖަހާ އެހާ ހަރުކަށި މީހެއްވައްތަރެއް، ވަރަށް ހިތްހެޔޮކޮށެންނު ވާހަކަދެއްކީ” އަކްމަލް ހައިރާންވިއެވެ.

“ބައްޕައަކީ މީހުންނަށް ގޯސް މީހެއްނޫން، އެކަމަކު އަމިއްލަ ޢާއިލާއަށް ގެންގުޅޭނީ ވަކި ރޫލްސްތަކެއް، ބައްޕަ ބުނާގޮތުން އަންހެންކުދިން އުޅެންވާނީ ވަރަށް ވިސްނައިގެން، އެހާ އަވަހަށް މީހުންނާ އިންނުމަކީ ވެސް ބައްޕަ ޤަބޫލުކުރާ ކަމެއްނޫން، އަނެއްކާ ރައްޓެހިވާ ކުއްޖާގެ ކިބައިގައި އެތަށް ސިފައެއް ހުންނަންޖެހޭ، ބައެއްފަހަރު ހީވޭ ބައްޕަ އެމީހަކާއެކު ރިލޭޝަންޝިޕެއް ފަށަންބާއޭ މިއުޅެނީ…. ސީރިއަސްކޮށް، ދެން އަކްމަލް ވިސްނާލަބަލަ، އަހަންނަށް ކެރޭނެތަ ގެއަށް ގޮސް މަންމަމެން ގާތު އަކްމަލްގެ ވާހަކަ ބުނަން، އަހަންނަށް ކުޑަދުވަސްކޮޅެއް ބޭނުންވާނެ، ކޯހުގައި އަދި ބާކީ ދޮޅުއަހަރު އެބައޮތް، ކޯސް ނިމުނީމަ ވަޒީފާއަކަށް ވަދެވެން އޮތީ، އެވެސް މަންމަމެން ބޭނުންވާގޮތް، ވަޒީފާއަކަށް ދާންފަށާފަ ކައިވެންޏެއްގެ ވާހަކަ މަންމަމެންނާ ހަމައަށް ފުރަތަމަ ގެންދަން ކެރޭނީ ވެސް” ޒީވާ އޭނާގެ ހާލަތުބަޔާންކުރިއެވެ.

“ޒީވް ނުފެނި ދުރުގައި ހުރުމަކީ މިހިތަށް ކެތްވާނެކަމެއްނޫން، ނުފެނި އެންމެ އެންމެ ދުވަހެއް ވެސް ކެތްކޮށްލަން ހާދަ އުނދަގުލޭ، އެކަމަކު އެ ނޫންގޮތެއް ވެސް ނެތް” މާޔޫސްވެފައި އިންފަދަ ގޮތަކަށް އަކްމަލް އިސްޖަހާލައިގެން އިނެވެ.

“ކީއްވެ އަކްމަލް ތިހެންތިބުނީ، އަހަރެން ވެސް ބޭނުން އަކްމަލްއާ ބައްދަލުކުރަން، އަހަރެންގެ ޢާއިލާއަށް މިގުޅުމާ ބެހޭގޮތުން ސިއްރުކުރިޔަސް އަކްމަލް އެހެން ކަންތައްކުރާކަށް ނުޖެހެއެންނު، އަހަރެން ތިގެއަށް ހިނގައިދާނަން އަކްމަލްއާ ބައްދަލުކުރަން، އޭރުން ދެމީހުން ނުފެނިގެން ދުރުގައި ތިބޭކަށް ނުޖެހޭނެއެންނު” ޒީވާ، އަކްމަލްގެ ކޮނޑުގައި އެއްއަތް އަޅުވާލަމުން އަނެއްއަތުން އަކްމަލްގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ.

“ހޫމްމް!، އަހަރުމެން ގޭގައި އެހާ ގިނަ މީހުންނެއް ނޫޅޭނެ، މަންމަގެ ބައެއް ފަހަރަށް ހުންނާނެ ސިނގުރުޅިއެއް، ގޭތެރޭން ކޮންމެ ކަހަލަ އަޑެއް އިވުނަސް ޒީވް އަޅާލާނެކަމެއްނެތް، ބައްޕަ ވަރަށް ރަނގަޅުވާނެ، އެކިމީހުންގެ ޚިޔާލު ތަފާތުވާނެ އެންނު ދޯ، އަހަރެންގެ ކޮޓަރީގައި ކިތަންމެ އިރެއްވާންދެން ވެސް އަހަރުމެން ދެމީހުންނަށް ތިބެވޭނެ” ހިނިތުންވެލި އަކްމަލް ބުނެލިއެވެ.

“މިތަން އަނދިރިއަކަސް ހާދަ މީހުން ގިނައޭ ދޯ” އަނދިރީގެ ތެރެއިން ވަށައިގެން ނަޒަރު ހިންގަމުން ޒީވާ ބުނެލިއެވެ.

“ހިނގާ ދަމާ މިތަނުން، އޭރުން މީހުން ނުބަލާނެއެންނު، ފަހަރެއްގައި ވެދާނެ މިޖޯލިފައްޗަށް ފާރަލަނީ ކަމަށް” ލުއި ގޮތަކަށް އަކްމަލް ހީނލިއެވެ. އަދި ޒީވާގެ އަތުގައި ހިފައިގެން އެދިމާލުން ދިއުމަށް ހިނގައިގަތެވެ.

ގެއަށް އައި ވާފިރުގެ އަތުގައި އެތައް ސާމާނުތަކެއް ހުރިތަން ފެނި ނަބީހާ އޭނާއަށް ބަލާލީ ސުވާލުން ފުރިގެންވީ ފަދަ ނަޒަރަކުންނެވެ. އެއީ ކޮންއެއްޗިއްސެއްތޯ ނޭހިކަމުގައި ވިޔަސް އޭނާގެ ދެލޮލުން އެސުވާލު ވާފިރާ ކުރާކަހަލައެވެ.

“އަހަރެން އޮފީހަށް ވަންތާ ފަންސަވީސް އަހަރުވެގެން، އޮފީހުގައި އުޅޭ ސްޓާފުން ދިންހާ އެއްޗެހިމީ، ނަބީހާ، ހިނގާބަލަ މަށާއެކު، އަދި މިއެއްނޫން އެއްޗަކީ” އުފަލުންހުރި ވާފިރު އެނދުމައްޗަށް އަތުގައި އޮތް ކޮތަޅުތައް ދޫކޮށްލުމާއެކު ނަބީހާގެ އަތުގައި ހިފިއެވެ.

“މީހަކު ގޮވައިގެން އައީތަ؟ އެހެންވެއްޖެއްޔާ އަހަރެން ބޭނުމެއްނޫން ނުކުންނާކަށް” މޫނު ހަދާލަމުން ނަބީހާ ބުންޏެވެ.

“މީހެއް ނޫން، ހަތަރު ފުރޮޅުލީ އެއްޗެއް، އާދެބަލަ” ވާފިރު މިހެން ބުނެ ނަބީހާގެ އަތަށް ދަމާލިއެވެ. އެއާއެކު ނަބީހާ ވެސް ތެދުވެގެން ވާފިރާއެކު އައެވެ.

ގޭގެ ދޮރޯށި ހުޅުވާލާފައި ވާފިރު، ނަބީހާ ގޮވައިގެން ނުކުތީ މަގުމައްޗަށެވެ. އަދި ގެޔާ ކުރިމަތިވާގޮތަށް މަގުގެ އަނެއްފަރާތުގައި ޕާކުކޮށްފައި އޮތް ކަޅުކުލައިގެން ކާރެއް ވާފިރު ދައްކާލިއެވެ.

“ތިއޮތް ކާރުތަ ތިދައްކަނީ، އެއީ ކާކުގެ އެއްޗެއް” ނަބީހާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ.

“އާން! އެ ކާރު މިދައްކަނީ، އެއީ އޮފީހުގެ ފަރާތުން އަހަންނަށް ދިން ހަދިޔާ، މިހާރު އެއީ އަހަރެންގެ އަމިއްލަ އެއްޗެއް، ރަޖިސްޓްރީ ވެސް އޮންނާނީ މަގޭ ނަންމަތީގައި، ދާންވާނެ އެންނު ދުއްވާލަން” ހިނިއައިސްފައި ހުރެ ވާފިރު ބުނެލިއެވެ.

“ހާދަ ރީއްޗޭ ދޯ، އޮފީހުން ދިނަސް، މީ ހާދަ އަގުބޮޑު ހަދިޔާއެކޭ…” ނަބީހާއަށް ބުނެދޭން ނޭނގުނަސް އޭނާގެ ބޮލުގައި ރިއްސާލީ ތަފާތު ގޮތަކަށެވެ. އެހެންނަމަވެސް ވާފިރުގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ގެއްލުވާލަން އެވަގުތު ނަބީހާ ބޭނުންނުވީއެވެ. އޭނާ ވެސް ހިނިއައިސްފައި ކާރެއް ލިބުނީތީ އެކަމުގެ އުފާ ފާޅުކުރުމުގައި ވާފިރާ ބައިވެރިވިއެވެ. ގޭތެރެއަށް ދެމަފިރިން އެނބުރި އައިސް ވަނުމާއެކު، ވާފިރު އަދީލަށް ވެސް ގޮވިއެވެ. އަދި އޮފީހުން ކާރެއް ލިބުނުކަން ޢާއިލާގެ ހުރިހާ އެންމެނަށް އޭނާ އިއުލާންކުރިއެވެ.

“ކޮބާތަ އަކްމަލް؟، އޭނައަށް ކާންގޮވިންތަ؟” ކާމޭޒު ދޮށުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިން ވާފިރު، ނަބީހާއާ ސުވާލުކުރިއެވެ.

“ގޮވަން އެކޮޓަރިއަށް ދިޔައިން، އެކަމަކު އޭނާ ނެތް ގެއަކު” ނަބީހާ ބުންޏެވެ. އަދި ފެންތަށްޓެއް ވާފިރަށް އަޅައިދިނުމަށްފަހު މޭޒު ދޮށުގައި އިށީނދެ އޭނާ ވެސް ކާންފެށިއެވެ.

“އެސޮރު ވަޒީފާއަށް ވަންފަހުން ވަރަށް ތަދުވެއްޖެ ދޯ، މާބުރައީތަ؟ ނަބީހާ، އަކްމަލްއާ އެކަހަލަ ސުވާލެއްވެސްކޮށްނުލަން ދޯ، ދަރިން ބޮޑެތިވިޔަސް އެމީހުން އުޅޭނޫޅޭގޮތް ކޮންމެވެސް ވަރަކަށް ބަލާލުން ރަނގަޅު” ވާފިރު ބުނެލިއެވެ.

“އަހަރެން ބަލަމޭ އެމީހުން އުޅޭގޮތް، އެހެނޭކިޔާފައި އެމީހުން އުޅޭގޮތް މިހާރަކު ނުހުއްޓުވޭނެ، އެއަށްވުރެ މާބޮޑެތިވެފައި އެތިބީ” ނަބީހާ ފަރުވާކުޑަގޮތަކަށް ވާފިރަށް ޖަވާބުދިނެވެ.

“ވާފިރު މިރޭ ވެސް ގޭގައި މަޑެއްނުވާނަން ދޯ” އިރުކޮޅަކު އެއްޗެއް ނުބުނެ ކާންއިނދެފައި ނަބީހާ ބުންޏެވެ.

“އަހަރެން އޮފީހާއިގެން އެހާވަރުން އުޅޭތީތާ އެމީހުން ވެސް އެވަރު އެ ދަންނަނީ، އެތަނުގައި އުޅޭ ކޮންމެ މީހަކަށް މިކަހަލަ އިނާޔަތްތަކެއް ނުލިބޭ، ނަބީހާ، ދެން ތިކަމާ ޝަކުވާކުރުން ހުއްޓާލަންވެއްޖެއެންނު، އަހަރެން ކިތަންމެ ގިނައިރަކު އޮފީހުގައި އުޅުނަސް އެނބުރި މިއަންނަނީ ނަބީހާ އާއި ކުދިންގެ ގާތަށް، އެހެންތަނަކަށް ނުދަމެންނު، އޭތް! ބާޒާރުކުރަން ދާނީ ދެން ކާރުގައި ދޯ” ވާފިރު، ނަބީހާގެ މޫޑު ބަދަލުކޮށްލުމަށް އުޅުމެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި މޭޒުމަތި ސާފުކުރަމުން ފާރުގައި ހުރި ގަޑިއަށް ޝީރީން ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ކަމަކާ މާޔޫސްވެފައި ހުރިކަމެވެ. ބަދިގޭގެ ހުރިހާކަމެއް ނިންމާލާފައި އެތަނުން ނުކުތުމުގެ ކުރިން އޭނާ ގެންގުޅޭ ފޯނު ހިފައިގެން އައިސް ގޮނޑިއެއް އިށީނެވެ. އަދި ފޯނުން ޒީވާގެ ނަންބަރަށް ގުޅާލިއެވެ.

“މަންމާ…” ކަންފަތުގައި ފޯނު ޖައްސާލައިގެން ޝީރީން އިންދާ ބަދިގޭ ދޮރުމަތިން ޒީވާގެ އަޑުއިވުނެވެ.

“ހާދަ ލަސްވީ، މަންމަ ގުޅަނިކޮށް ދަރިފުޅު ތިއައީ، ކައިފިންތަ އެއްޗެއް، އާދޭ ކާން، ޒީވް ކެއީމަ މަންމަ ދާނީ” ޒީވާ ފެނުމުން ޝީރީންގެ ހިތްހަމަޖެހުނެވެ.

“ކުޑަކޮށްލަސްވީ ދޯ، ސޮރީ މަންމާ، އަސްލު ވަގުތު ދިޔަ ގޮތްވެސް ނޭނގުނީ، ކައިގެން މިއައީ” ޒީވާގެ އަތުގައި އޮތް ފޮތް މެޔާލާ ބޮނޑިކޮށްލަމުން އޭނާ ބުންޏެވެ. ހީވަނީ މީގެ ކުރިން އޭނާއަށް ނުލިބޭ ހިތްހަމަޖެހުމެއް ލިބިފައި ހުރި ހެންނެވެ.

“އެހެންވީރު ދެން ދޭ ކޮޓަރިއަށް، އެނދަށް އަރަންވާނީ އަތްފައި ދޮވެގެން” ޝީރީން، ޒީވާއަށް ކާން ހަދައިދޭން އުޅެފައި އެކަން ހުއްޓާލަމުން ބުންޏެވެ. އަދި ދެމައިން އެކުގައި ބަދިގެ ފަރާތުން ނުކުތެވެ.

“ރީމް އެބައިން ދަރިފުޅުގެ ލެޕްޓޮޕް ހިފައިގެން ބޮޑުއެނދުގައި، މަންމަ ހުއްދަ ދިނީމަ އެކުދިން އެ ނެގީ، ދަރިފުޅު ގޮސް އަޑުގަދަކޮށްނުލައްޗޭ” ޒީވާ ކޮޓަރިއަށް ވަނުމުގެ ކުރިން ޝީރީން ބުނެލިއެވެ. ލޯބިގޮތަކަށް ހިނިތުންވެލި ޒީވާ ހީވަނީ އެހެން ދުނިޔެއެއްގައި ހުރިހެންނެވެ. “ހޫން!” ލައްވާލަމުން އޮޅެމުން ކަހަލަ ގޮތަކަށް ޒީވާ ކޮޓަރިއަށް ވަނެވެ.

އެނދުމައްޗަށް އަތުގައި އޮތް ފޮތް އެއްލާލުމާއެކު ލޯބިން އައިސް އޭނާގެ އެނދުމަތީ ތިބި ރީމް އާއި ރުވާގެ ގައިގާ ބައްދައިގަތެވެ. އެކުދިން ތިބީ ކާޓޫނު ބަލަން ކަމަށްވާތީ ޒީވާއާ ހެދި އުނދަގޫވެގެން އޭނާގެ ކިބައިން ސަލާމަތްވާން އުޅެގަތެވެ. ނިކަން ބާރަށް ހީނގަންނަމުން ޒީވާ އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ހިނިއައިސްފައި ފަންގިފިލާއަށް ބަލަހައްޓައިގެން އޮވެ އޭނަގެ މޫނުގައި އަތްޖައްސާލެވުނެވެ. އަދި މަޑުމަޑުން ތުންފަތުގައި އިނގިލިޖައްސާލެވުމާއެކު މޫނުމަތި ރަތްވެގެން ދިޔައީ ރަކިވެގެންނެވެ. ދެލޯމަރާ ތަގުޅިކޮށްލަމުން ދެފަރާތަށް ބޯހޫރާލާފައި ޒީވާ ލަދުންކަހަލަ ގޮތަކަށް އެނދުމަތީ އޮތް ބާލީސްނަގާ މޫނުމަތީ އަޅާލިއެވެ.

“ތުއްތަ، މޮޔަވީތަ… މޫނުގައި ބާލީސް އަޅައިގެން އޮވެ ތިހެނީ ކޮންކަމަކާ” ރީމްއަށް ޒީވާ އުޅޭގޮތް ފާހަގަކުރެވިގެން އަހާލިއެވެ.

“ތުއްތާ….” ރުވާ، ޒީވާގެ މޫނުގައި އަޅާފައި އޮތް ބާލީސް ނަގަން މަސައްކަތްކުރިއެވެ.

“އައެމް ހެޕީ… ސޯ ހެޕީ… މީހުން މާބޮޑަށް އުފާވީމަ ވެސް ހީވާނެ އެއީ މޮޔައެއްހެން…” ޚިޔާލީ ދުނިޔެއަކަށް ގެއްލިއޮތް ޒީވާ މޫނުމަތިން ބާލީސް ނެގުމާއެކު ވާހަކަދެއްކިއެވެ. އަދި ރީމްގެ ކޮނޑުގައި ހިފާކޮށްޕާލިއެވެ. ދެކުދިންނަށް އެނދުމަތީ ނުތިބެވިގެން ލެޕްޓޮޕް ހިފައިގެން އެމީހުންގެ އެނދަށް ބަދަލުވިއެވެ. އެތަން ފެނިފައި ޒީވާ ދެން ވެސް ފެށީ ހޭށެވެ. އޭނާ އެޔޮތީ ހަމަރަނގަޅަށް ވެސް މޮޔަވެފައެވެ. އަކްމަލްގެ ލޯބީގައި ދީވާނާވެފައެވެ. ޚާއްޞަކޮށް އަކްމަލްއާ ބައްދަލުކޮށްފައި އައިފަހުންނެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ވާފިރު ދިޔައިރު އޭނާގެ ކެބިންނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެތަނުގައި ހުރި ސޯފާ އާއި ކޮފީމޭޒުވަނީ ބަދަލުކޮށްފައެވެ. ދިޔާނާ އޭނާއަށް ކޮށްދޭ ކަންކަމާމެދު އޭނާ ޝުކުރުވެރިވެއެވެ. އެހެންނަމަވެސް އޭނާއަށް ދިޔާނާ ބޭނުންވާ ހުރިހާކަމެއް ކޮށެއްނުދެވެއެވެ. ކެބިންނަށް ވަންގޮތަށް ހުއްޓުން އަރާފައި ވާފިރަށް ހުރެވުނީއެވެ. އެވަގުތު އެތަނަށް ދިޔާނާ އައިސް ވަނެވެ.

“ކަމުދޭތަ؟ ކީކޭ ނަބީހާ ބުނީ ކާރު ފެނުނީމަ، މިހާރު ވާފިރު ހިނގާފައި އުޅޭކަށް ނުޖެހޭނެ އެންނު، އަނެއްކޮޅުން އަހަރުމެން ދެމީހުންނަށް ވެސް ތަންކޮޅެއް ޕްރައިވެޓްކޮށް ދުއްވާލަން ދެވޭނެއެންނު ދޯ” ފަރިކޮށް ހިނގާލާފައި އައިސް ވާފިރާ ދާދި ގާތުގައި ދިޔާނާ މަޑުކޮށްލިއެވެ. އެހިނދު ވާފިރު ދިޔާނާގެ އަތުގައި ހިފާ އޭނާއާ ދުރުކޮށްލިއެވެ.

“ދިޔާނާ، އަހަރެން ކޮންމެ ފަހަރަކު ނަބީހާއަށް ދޮގުހަދަންވީމާ ވަރަށް އުނދަގޫ، ތިވަރަށް ދިޔާނާ އަހަންނަށް ޚަރަދު ކުރަންޏާ ނަބީހާއަށް ނޭނގިއެއްނުދާނެ، އަދި މިކަން އެއްވެސް މީހަކަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން” ވާފިރު ގޮނޑި ދަމާލާފައި މޭޒުގެ ދޮށުގައި އިށީނެވެ. ދިޔާނާ ވެސް ވާފިރުގެ މޭޒުގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“ވާފިރު ޕްލީޒް، އަހަރެން ދޭހިތުން އެއްޗެއް ދިނިއްޔާ އެއީ އެވަރުކަމެއްތަ، އެހެންނޫނަސް އަހަރުމެންގެ އެނިވަރސަރީ އެންނު އެއީ، ނަބީހާދެކެ ވާފިރު ލޯބިނުވާއިރު ވެސް ތިހުންނަނީ އޭނާގެ ދަށުގައިވެފައި، ކިހާ ދުވަހަކުތަ އަހަރެން މިހެން ސިއްރުން އުޅެންޖެހޭނީ…” ކުއްލިއަކަށް ވާފިރު ހިއްލާލި އަތާއެކު ދިޔާނާގެ ދޫބަންދުވިކަހަލައެވެ. އޭނާ މާޔޫސްކަމާއެކު ވާފިރަށް ބަލަހައްޓައިގެން އިނެވެ.

“ތިކަމާ ވާހަކަދައްކާނީ އޮފީހަކު ނޫން، ކުރިން ވެސް އަހަރެން ނުބުނަންތަ ދިޔާނާ ގާތު، އަހަރުމެން ދެމެދުގައި ހިނގާ އެއްވެސް ކަމެއް އޮފީހަށް ގެނެސްގެން ނުވާނެއޭ، އިހަށް މިކެބިން އިން ދޭ” ވާފިރު ހިތްހަމަނުޖެހިފައި އިންކަހަލައެވެ.

ވާފިރު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ދިޔާނާއަށް އެ ކެބިންއިން ނުކުންނަން މަޖުބޫރުވިކަހަލައެވެ. އޭނާ މަޑުމަޑުން އިސްޖަހާލައިގެން ހުރެ އެތަނުން ނުކުމެ ކޮންފަރެންސް ހޯލާ ދިމާލަށް ދިޔައެވެ. އޭނާ ނުކުތުމާއެކު ވާފިރު ދެލޯ މަރާލަމުން ބޭރުކޮށްލި ފުންނޭވާއިން ހީވީ އޭނާގެ ސިކުނޑީގައި އެވަގުތު އެނބުރެމުންދިޔަ ހުރިހާ ޚިޔާލުތަކެއް ލީނޭވާއާއެކު ބޭރުކޮށްލީ ހެންނެވެ. އަދި ގިނައިރެއް އޭނާ ވެސް ތެދުވީ ދުވަހަށް ޚާއްޞަވެގެން ރޭވިފައި އޮތް ބައްދަލުވުމަށް ދިއުމަށެވެ.

* * * *

އަކްމަލް ވަޒީފާއަށް ނުކުންނަން ފެށިތާ ހަމަސް ފާއިތުވެގެން ދިޔައިރު އޭނާގެ ސިކުނޑީގައި މިހާރު އޮންނަ ހަމައެކަނި ޚިޔާލަކީ ޒީވާއާ ކައިވެނިކުރުމެވެ. އަމިއްލަ ގެއަށް ޒީވާ ގެންދަން ބޭނުންވެފައި ހުއްޓެއްކަމަކު ޒީވާގެ ޓެސްޓު ނިމެންދެން އޭނާ މަޑުކުރިއެވެ. ނަމަވެސް، އަހަރުގެ ބޮޑުޗުއްޓީއާ ދިމާކޮށް ޒީވާ އާއި އޭނާގެ ޢާއިލާ ރަށުން ބޭރަށް ފުރުންވީ އަކްމަލްގެ އުންމީދުތައް އަނެއްކާ ވެސް މަޑުޖައްސާލަން ޖެހުނު ކަމަކަށެވެ. ޒީވާ އޭނާގެ ޢާއިލާއާއެކު ދާން ބޭނުންނުވިކަމުގައި ވިޔަސް މައިންބަފައިންނާ ދެކޮޅު ހަދާކަށް އޭނާއަކަށް ނުކެރުނެވެ.

އިންޑިއާއަށް ޒީވާމެންގެ ޢާއިލާ ދިޔައީ ދެހަފްތާއަށެވެ. އެ ދެހަފްތާ ޒީވާއަށް ދެއަހަރުހާ ދިގުވެގެން ދިޔަހެން ހީވިއެވެ. އަކްމަލް އާއި ނުލާ އެއްވެސް ކަމެއް ކުރާހިތް އޭނާ ނުވަނީއެވެ. މަދުން ނަމަވެސް ދެ ލޯބިވެރިން ބައްދަލުވުމަކީ އެ ދެމެދުގައި އޮތް ގުޅުން އެއްދުވަހަށްވުރެ އަނެއްދުވަހު ގާތްވަމުން އައިކަމެވެ. ދެމީހުންގެ މެދުގައި އޮތް ލަދުވެތިކަމުގެ ފަރުދާ މަޑުމަޑުން ހިއްލެމުން ދިޔަކަން ދެމީހުންނަށް ފާހަގަނުވާކަހަލައެވެ. ޒީވާ ފުރައިގެން ދިއުމުގެ ކުރިން އަކްމަލްއާ އެންމެ ފަހު ވަގުތު ވެސް ބައްދަލުކުރިއެވެ. ވަރަށް އަވަހަށް އެނބުރި އަންނާނަން ކަމަށް ޒީވާ ބުނަމުންދިޔައިރު، އަކްމަލް ބުނަމުން ދިޔައީ އޭނާ މިދުނިޔެމަތިން އެންމެ ލޯބިވާ މީހަކީ ޒީވާ ކަމުގައެވެ. އެކަކު އަނެކަކުގެ މައްޗަށް ފުރިހަމަ އިތުބާރު ލިބިފައިވެއެވެ.

ހުޅުލޭން މާލެއަށް އަންނަން ލޯންޗަށް އެރިވަގުތު ލަބީބުގެ ލޮލުގައި އަކްމަލް އަޅައިގަތެވެ. އޭނާއަށް ހީވީ އެއީ އިއްތިފާގެއް ކަމުގައެވެ. އެކަމަކު އޭގެ ކުރިން ދަރިފުޅު ޒީވާގެ މޫނުމަތި ކޮންވެސް ކަމަކާ ހުރެ އުޖާލާވެފައި ހުރިކަން ލަބީބަށް ފާހަގައެއް ނުކުރެވެއެވެ. އޭނާ، ޝީރީންގެ އަތުގައި ކޮއްޓާލާފައި އަކްމަލް ދެއްކިއެވެ.

“އެއީ ހަމަ އެކުއްޖާ، ފެނުނު ފަހަރު ގޮވާލަން ވާނެއެންނު، ލަބީބު ވާހަކަދައްކާލަބަލަ، ނިކަން ރަނގަޅު ކުއްޖެއްނު އެއީ” ލަބީބުގެ ކަންފަތާ ކައިރިވެލަމުން މަޑުމަޑުން ބުނެލިއެވެ.

“އަހަރެން އަންނާނަން އެސޮރު ގާތަށް ގޮސްލާފައި” ލަބީބު ހިނިއައިސްފައި ތެދުވަމުން ބުނެލިއެވެ. އޭރު އަކްމަލް އިނީ ފޯނަށް ގެއްލިފައެވެ. އެހެންނަމަވެސް އޭނާ އެވަގުތު ވެސް ފޯނުން ވާހަކަދައްކަމުން ދިޔައީ ޒީވާއާއެވެ.

“އަހަރެން ބުނީމެންނު ޒީވް ބަލާ އަންނާނަމޭ، މިހާރު މިއިނީ ޒީވް އަރާއިން ލޯންޗުގައި…. ހަމަ ފެންނަ ހިސާބުގައި، ނޫންތަ” އަކްމަލް ފޮނުވާލި މެސެޖު ޒީވާ ކިޔާލިއެވެ.

“މަންމަމެން އެންމެ ތިއްބާ އަކްމަލްއަށް އަހަންނާ ތިހާ ކައިރިއަށް އަންނަން ކެރިދާނެކަމަކަށް ހިޔެއްނުކުރަން، އެކަމަކު މިހާރު އެނގޭ އަކްމަލް އަހަރެންދެކެ ވަރަށް ލޯބިވާކަން، ހަޤީޤަތުގައި ވެސް އަހަރެން ބޭނުންކަން” ޒީވާގެ މެސެޖު އަކްމަލްއަށް ފޮނުވާލިތާ ގިނައިރެއްނުވަނީސް ލަބީބު އައިސް އޭނާގެ ގާތުގައި އިށީނދެއްޖެއެވެ.

“ކޮއްކޯ، ކޮންދަތުރެއް؟ މިކޮޅުގަތަ މަސައްކަތްކުރަނީ؟” ލަބީބު މިހެންބުނެ އަކްމަލްއަށް ނަޒަރު ހިންގާލިއިރު އޭނާގެ އަތުގައި އެއްވެސް ކަހަލަ ފޮށްޓެއް އެއްޗެއް ނެތެވެ. އެހެންވެ އޭނާ ނިންމީ އަކްމަލް އުޅެނީ ހުޅުލޭ ވަޒީފާއެއްގައި ކަމުގައެވެ.

“އަޅުގަނޑު… އަޅުގަނޑު އައީ ކުއްޖަކު މާލެ އަންނާތީ އޭނާ ބަލާ، އެކަމް ވަރަށް ދެރަ… އަޅުގަނޑު އައިރު އެކުއްޖާ، އޭނާގެ ޢާއިލާ މީހުންނާއެކު ލޯންޗަށް އަރައިފި” އަކްމަލް ނުސީދާ ގޮތަކަށް ޒީވާއަށް ބަލަމުން ބުނެލިއެވެ. ލޯންޗުގައި ތިބީ ޒީވާގެ ޢާއިލާ އާއި އަކްމަލް އެކަނިކަމުން ދެފަރާތުން ދައްކާ ވާހަކަ ވެސް ދެބައިމީހުންނަށް އިވެއެވެ. އޭރު އަކްމަލްއަށް ތަފާތު ނަޒަރަކުން ބަލަން އިން ހަމައެކަނި މީހަކީ ލަމްޔާއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް ޒީވާ އާއި އަކްމަލް ސިއްރު މެސެޖުތަކެއް ބަދަލު ކުރާހެން އެވަގުތުކޮޅު ވެސް ހީވިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލާގޮތް ތަފާތުހެން ވެސް ލަމްޔާއަށް ހީވެއެވެ. އެހެންނަމަވެސް އެކަން ޔަޤީން ކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. މައިންބަފައިން އެހާ ރުހޭ ފިރިހެން ކުއްޖަކަށް ފާޑުކިޔަން ލަމްޔާ ބޭނުން ނުވަނީއެވެ.

“އެހެންވެ އެކަނި ތިދަނީ، އެދުވަހަށްފަހު ކޮއްކޮ ދައްކާ ވެސް ނުލަމެންނު، މިހާރު ނަން ވެސް ހަނދާނެއްނެތް” ލަބީބު ހިތްހެޔޮކަމާއެކު ބުނެލިއެވެ.

“އަޅުގަނޑަށް ކިޔަނީ އަކްމަލް، އަސްލު ވަގުތު ހުންނަގޮތުން ނުދެވެނީ” އަކްމަލް ވެސް ލަބީބުގެ ހިތްހަމަޖައްސާލުމަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާއަށް ކުރިން ނުލިބޭ ހިތްވަރެއް ލިބިފައި ހުރި ކަހަލައެވެ. ލަބީބުގެ ގާތުގައި އިންއިރު އޭނާގެ ހުރިހާ ސަމާލުކަމެއްވަނީ ޒީވާއަށް ދެވިފައެވެ. ޒީވާ ރުހޭ ކަމަކަށް ވަންޏާ އަކްމަލް، ލަބީބުގެ ގާތުން ޒީވާއާ ކައިވެނި ކުރުމުގެ ހުއްދައަށް ވެސް އެދުނީހެވެ.

“އާން! ތެދެކޭ ދޯ، އަކްމަލް އޭ ކިޔަނީ، ކޮންދުވަހަކުން ބޭބެމެން ގެއަށް އަންނާނީ، އެއްދުވަހު ކެއުމުގައި ބައިވެރިވެލަން ގެއަށް އަންނަންވީނު، ބޭބެ ވަރަށް އުފާވާނެ އެކަން ކޮށްދީފިއްޔާ” ލަބީބުގެ ވާހަކަތަކުން އަކްމަލްއަށް އޭނާ ސިފަ ކުރެވެނީ ޒީވާ ކިޔާދޭ ގޮތާއި މުޅިން އިދިކޮޅަށެވެ. ކުޑަކޮށް ވެސް ލަބީބަކީ އެހާ ރުޅިގަދަ މީހެއްގެ ގޮތުގައި އަކްމަލްއަށް އިޙްސާސެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ލަބީބުގެ ހިތްހެޔޮކަމާއި އޭނާގެ އެކުވެރި މިޒާޖު އަކްމަލްއަށް ކަމުދިޔައެވެ. އަނެއްކޮޅުން ލަބީބާމެދު ވަކިގޮތެއް ނިންމަން އޭނާއަށް އުނދަގޫވެސް ވިއެވެ. އޭރު ޒީވާ އިނީ އަކްމަލް ބުނާނެ އެއްޗަކާމެދު ފަރުވާވެ އަޑުއަހާށެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑު ބަލާނަން ދެވޭތޯ” އަކްމަލް ޔަޤީންކަން ނެތް ގޮތަކަށް ބުނެލިއެވެ. ދެން ވެސް ލަބީބުގެ ވާހަކަތައް ކުރުކޮށްލާކަށް އޭނާ ނޫޅޫނެވެ. އޭނާ އިތުރު ވާހަކަދައްކަން ފެށިއެވެ. އަކްމަލް ނޭހިއެއްކަމަކު ލަބީބު އޭނާގެ ޢާއިލާ އިންޑިއާއަށް ގޮސްފައި އައި ވާހަކަ ކިޔައިދިނެވެ. އަދި ދިޔައީ ކީއްވެކަން ވެސް އޭނާ އަކްމަލް ގާތު ބުންޏެވެ. ލަބީބުގެ ޢަމަލުތައް ހުރި ގޮތުން ހީވަނީ އޭނާ އަކްމަލްއާ ވާހަކަދައްކާ ކަންކަން ޙިއްޞާކުރުމަށް ކުޑަކޮށްވެސް ޖެހިލުމެއްނުވާހެންނެވެ. އަކްމަލްއާ ދޭތެރޭ ދެކެނީ އެހާ ވެސް ގާތްކޮށް ހެންނެވެ. މަޑުމަޑުން “އާން! ހޫން!” ލައްވަމުން އަކްމަލް، ލަބީބުގެ ވާހަކަތައް އަޑުއެހިއެވެ. ލޯންޗު އައިސް މާލޭ ތޮށިގަނޑާ ކައިރި ކުރަންދެންނެވެ. އޭނާ ލަބީބުއާ ވަކިވީ އެހިސާބުންނެވެ.

“މާލެ ތިއައީ އަހަރެންލައްވާ ވަރަށް ދިގު އިންތިޒާރެއް ކުރުވާފައި، ޒީވްއާ ބައްދުކުރަން ބޭނުން، އެހެންވީމަ ދެން އަހަންނަށް ފެންނާނީ ކޮންއިރަކުން” އަކްމަލް ޖެޓީއަށް ފައިބައިގެން ދަމުން ޒީވާގެ ފޯނަށް މެސެޖު ފޮނުވާލިއެވެ. އެވަގުތު ޒީވާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެހެންވެ ކުރިއަށް ހިނގަ ހިނގާ ހުރެފައި ފަސްއެނބުރި ޒީވާ ކޮބާތޯ އަކްމަލް ހޯދާލިއެވެ. އޭރު ފޮށިތައް ބޭލުމުގަ އާއި ކޮއްކޮމެންނަށް އެހީތެރިވުމުގައި ޒީވާ އަވަސްއަރުފާލާފައި އުޅެއެވެ. ތުންފަތުގައި ދުވެލި ހިނިތުންވުމާއެކު އަކްމަލް އޭނާގެ ގެއާ ދިމާލަށް ހިނގައިގަތެވެ.

ހިތުގައި ކަމެއް އަޅައި، އެކަން ކާމިޔާބު ކުރުމަށްޓަކައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ބައެއްފަހަރު ކާމިޔާބު ލިބުމަކީ ދަތި އުދަނގޫކަމެކެވެ. އަދީލަށް ވެސް ވީ އެހެނެވެ. އޭނާ ޒީވާ ހޯދުމަށްޓަކައި ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެއެވެ. އެހެންނަމަވެސް އޭނާއަށް ޒީވާ ލިބޭ ގޮތެއްނުވިއެވެ. ބައެއް މީހުން އެމީހުން އުޅެއުޅެ ވެސް ބޭނުންވެގެން އެ އުޅޭ އެއްޗެއް ނުލިބުމުން އޭގެ މަތިން ފޫހިވާގޮތްވެއެވެ. އެހެންނަމަވެސް އަދީލަށް ވަނީ އޭގެ ދިމާ އިދިކޮޅެވެ. އޭނާއަށް ނުލިބޭނެހެން ހީވެއްޖެ އެއްޗެއްނަމަ އެ ހޯދުމަށް އޭނާ ނުކުރާނެކަމެއް ނޯންނާނެއެވެ. އެކަމަކު އަދީލު އޭނާގެ ވަޒީފާއާ މެދު ވެސް ވިސްނައެވެ. ރީތިހާ އެއްޗިއްސާ މީރުވަސްދުވާހާ ސެންޓު ޖަހައިގެން އަންހެން ކުދިންގެ ގާތަށް އޭނާއަށް ދެވޭނީ އެތަކެތި ގަންނާނެ ފައިސާ އަތުގައި ހުރެގެންނެވެ. އެކަމަށް އޭނާއަށް ހުޅުވިފައި އޮތް ހަމައެކަނި ދޮރަކީ މިހާރުވެސް އެ އަދާކުރާ ވަޒީފާއެވެ. ކޮންމެކޮންމެ ގަޑިއަކު ޒީވާގެ ފަހަތުން މުގޯލިއަޅަން ދަތިވަނީ ވެސް އެހެންވެއެވެ. އަދީލު، ޒީވާ ހޯދަން ބޭނުންވިނަމަވެސް މިހާރު ޒީވާ މެންގެއަށް އެއްޗެހި ފޮނުވުން އޭނާ ހުއްޓާލައިފިއެވެ. އަދީލަށް ޒީވާ އުޅެނީ ސައިކަލުގައިކަން އެނގުނީ ކޮލެޖަށް ޒީވާ އަންނަތަން ނުފެނިގެން ތަންކޮޅެއް ގިނައިރު އެތާކުރަމަތީ މަޑުކޮށްލި ދުވަހެއްގައެވެ. ޒީވާ ސައިކަލު ދުއްވާކަން އެނގުމުން ވެސް އަދީލުގެ ބޮލުގައި ރިއްސާލިއެވެ. އޭނާ ޒީވާގެ ކައިރިއަށް އައިސް ވާހަކަދައްކަން ބޭނުންވަނީ ޢާއިލާ މީހަކު ނެތި ޒީވާ އެކަނި ހުންނަ ވަގުތެއް ހޯދައިގެންނެވެ. އެފުރުޞަތު މިފަހަކަށް އައިސް އޭނާއަށް ވަނީ މުޅިންހެން ގެއްލިފައެވެ.

ލަބީބުމެންގެ ޢާއިލާއަށް ގެއަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ގެއަށް ވަދެވުނު ގޮތަށް އެންމެ ހަގު ދެބެންގެ އަޑު ގަދަވިއެވެ. އަވަހަށް ފޮށިތައް ހުޅުވަން ބޭނުންވެގެން އުޅުނެވެ. ޝީރީން އެދެކުދިން ފަހަތު ލައިގެން އޭނާގެ ކޮޓަރިއަށް ފޮށިތައް ދަމަމުން ދިޔައެވެ. ލަބީބު ވެސް އެމީހުންނާއެކު ދާން ފެށުމުން ލަމްޔާ އޭނާގެ ފޮށި ހިފައިގެން ކޮޓަރިއަށް ވަނެވެ. ޒީވާ އެމީހުން ކުރާ ކަމަކަށް ސަމާލުކަމެއް ނުދީ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އެނދުމައްޗަށް ވެއްޓިގަތް ޒީވާ ފޯނުން ގަޑި ބަލާލުމާއެކު ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލިއެވެ. މިހާރުއްސުރެން އޭނާ ވިސްނަމުން އެދަނީ މިރޭ އަކްމަލްއާ ބައްދަލުކުރަން ބުނެވުނީތީ އެކަމާއެވެ. ކަންބޮޑުވަނީ އަކްމަލްއާ ބައްދަލުކުރަން ޖެހޭތީއެއްނޫނެވެ. އޭގެ ބަދަލުގައި ޒީވާ ޖެހިލުންވާގޮތްވަނީ އަކްމަލްއާއެކު އެގެއަށް ދާންޖެހޭތީއެވެ. ނަމަވެސް އަކްމަލްގެ ހިތަށް ތަދުކުރާކަށް އިތުރަށް ޒީވާ ބޭނުމެއްނޫނެވެ. އަކްމަލް ހުރީ އޭނާގެ ޢާއިލާއަށް ޒީވާ ތަޢާރަފްކޮށްދޭ ހިތުންކަން އެނގޭތީ އެކަމާ ޒީވާ ހިތްހަމަވެސް ޖެހެއެވެ. އޭނާއަށް ޤަބޫލުކުރެވޭ ގޮތުގައި ފިރިހެން ކުދިން އެމީހުންގެ މައިންބަފައިންނާ ޢާއިލާގެ މެންބަރުންގެ ކުރިމައްޗަށް އަންހެން ކުއްޖަކު ގެންދާނީ އެ ދެމެދުގައި އުފެދުނު ގުޅުން މެދުކެނޑެން ބޭނުންނުވާތީއެވެ. އަދި ގިނަފަހަރަށް ކައިވެންޏަކާ ހަމައަށް އެގުޅުން ގެންދަން ބޭނުންވާތީ ވެސް މެއެވެ. އެކަނިމާއެކަނި އެނދުގައި އޮވެ ޒީވާ މޮޔައަކު ފަދައިން އެކިކަންކަމާ ޚިޔާލުކޮށް ހީނ ހެދިއެވެ. އެހެން އޮއްވާ އެތަނަށް ރީމް އާއި ރުވާ ވަންނާކަށް ގިނައިރެއް ނުނެގިއެވެ. އެމީހުން ގަތް ސާމާނުތައް ހިފައިގެން އައިސް ކޮޓަރިއަށް ވަނުމާއެކު ޒީވާއަށް ގޮވަންފެށިއެވެ.

ޝީރީން ގޮވާލުމުން އިޝާ ނަމާދުކޮށްލައިގެން ފޭބި ޒީވާ ނަލަ ހެދެމުންދިޔައެވެ. ލޯގަނޑު ކުރިމަތީ ހުރެ ލައިގެން ހުރި ހެދުމަށް ބަލަމުން ފަރާތްފަރާތަށް އެނބުރުނެވެ. އަދި އިސްތަށިގަނޑު ހުރީ ރީތިކޮށް އޮމާކޮށްލެވިފައިތޯ ބެލިއެވެ. އޭނާ އެންމެ ފަހުކަމެއްގެ ގޮތުން ގަހަނާ އަޅައި މޭކަޕްކޮށްލިއެވެ. ހަންގަނޑާ ގުޅޭނޭ ފަދަ ލުއިލުއި މޭކަޕެކެވެ.

“ތުއްތަ ޕާޓީއަކަށް ދަނީތަ؟” ޒީވާއަށް ކަޅިހުއްޓާލައިގެން އިން ރުވާ އަހާލިއެވެ.

“ނޫން، ތުއްތަ ފްރެންޑެއްގެ ގެއަށްދާން މިއަދަނީ، ޕާޓީއަށް ދާނީ ޕާޓީ ޑްރެސް ލައިގެންނު” ޒީވާ އުނަގަނޑުގައި ދެއަތްއަޅުވާލަމުން ރުވާއަށް ބުނެލިއެވެ.

“ރުވާ ފްރައިޑް ރައިސް ކާހިތްވަނީ، ލަމްދައްތަ ގާތު ހިނގާބަލަ ބުނަން ފްރައިޑް ރައިސް ހަދަން، މަންމަ ބުނީ މިރޭ އަހަރުމެން ބޭނުންއެއްޗެއް ކެވޭނެޔޯ” ދެއަތުގައި ދަތްދޮޅި އަޅުވާލައިގެން އިން ރުވާ އެނދުން ފައިބައިގެން އައިސް ޒީވާގެ ދާދި ގާތުގައި ހުއްޓިލިއެވެ.

“ރުވާ ގޮއްސަ ބުނީމާ ވެސް ލަމްދައްތަ ހަދާދޭނެ، އަޅެ ދޭބަލަ… އެކަމަކު މިއަދު ލަމްދައްތަ ވެސް ހުންނާނީ ވަރަށް ވަރުބަލިވެފައެންނު، އެހެންވީމަ މަންމަ ގާތު ބުނޭ ރުވާއަށް ފްރައިޑް ރައިސް ގެނެސްދޭށޭ، ތުއްތަ މިހާރު މިދަނީ ދާންވެގެން އިނގޭ” ޒީވާ ދިގުވާގަނޑުލީ ކުޑައަތްދަބަހެއް ކޮނޑުގައި އަޅުވާލުމާއެކު މިހެންބުނެ ކޮޓަރިން ނުކުތެވެ. އޭރު ބަދިގެ ފަރާތުގައި ޝީރީން އުޅެއެވެ. މަންމަ ގާތު ދަނީއޭ ބުނެ ޒީވާ ނުކުންނަން ހިނގައިގަތެވެ. އެހިނދު ޝީރީން ގޮވާލާފައި އަވަހަށް އަންނަން އެދުނެވެ.

ސައިކަލުގައި ޒީވާ އައިސް މަޑުކުރީ އަކްމަލް ކިޔާދިން ގޮތަށް އޭނާ ބުނި ދޮރޯށިލީ ގޭގެ ކުރިމަތީއެވެ. އޭރު އަކްމަލް ގޭގެ ދޮރުމަތީ ހުއްޓެވެ. މަގުގެ އަނެއްފަރާތުގައި ސައިކަލު ޕާކުކޮށްލުމާއެކު އަކްމަލްގެ ގާތަށް ޒީވާ އައެވެ.

“އައި އެމް ރިއަލީ ވެރީ ނާރވަސް” ޒީވާ ފިނިވެފައި ހުރި ފަދަ ގޮތަކަށް ބުނެލިއެވެ.

“އޯކޭ ވާނެ، ބައްޕަ ވެސް އެބައިން މިގަޑީގައި، ތޭންކިޔު ލަވް، ދެން ތިވަރަށް ހާސްނުވޭ، މިގާޑީގައި އެންމެން ވެސް ތިބީ ރަނގަޅު މޫޑެއްގައި، ހިނގާ އެތެރެއަށް ވަންނަމާ” އަކްމަލް، ޒީވާގެ އަތުގައި ހިފާލަމުން ދޮރާއްޓާ ކައިރިއަށް ޖެހިލިއެވެ. ޒީވާއަށް އަކްމަލްގެ އަތުގައި ހިފާލެވުނީ ތަންކޮޅެއް ބާރަށެވެ. މަޑުމަޑުން އަކްމަލްއާއެކު ގޭތެރެއަށް ވަދެގެން އައެވެ. ގޭގެ ސިޓިން ރޫމު ދޮރުމައްޗަށް އަކްމަލް އެރުމާއެކު ވާފިރު އެ ދެކުދިންނަށް ވެސް ވަކިވަކިން ބަލާލީ މާނަ ފުން ގޮތަކަށެވެ.

“އަކްމަލް…” ވާފިރަށް އަކްމަލްގެ ނަންކިޔާލެވުނު އިރު އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. މީގެ ކުރިން ދުވަހަކު ވެސް އަކްމަލް، އަންހެން ކުއްޖަކު އެގެއަށް ގެނެސްފައެއްނުވެއެވެ. އެހެންވެ އެވަގުތު ބުނާނީ ކީކޭކަމެއް ޚުދު އޭނާގެ ސިކުނޑިއަށް ވެސް ވިސްނައިގަންނަން އުނދަގޫވީއެވެ.

“ބައްޕާ، މީ… މީ ޒީވާ….، ޒީވާ މީ އަހަރެންގެ ބައްޕަ” އަކްމަލަށް އެވަގުތު އިޙްސާސް ކުރެވެމުންދިޔަ ޖެހިލުންވުން ކަނޑުވާލަން އޭނާ ބޭނުންވި ނަމަވެސް ވާހަކަދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ. އަކްމަލް، ވާފިރަށް އިޝާރާތްކޮށް “ބައްޕަ”ގެ ނަމުން މުހާތަބުކުރުމާއެކު ޒީވާ ވަގުތުން އަކްމަލްގެ އަތުގެ ތެރެއިން އޭނާގެ އަތްވަކިކޮށްލިއެވެ. އަދި ލަދުވެތި ގޮތަކަށް ހިނިތުންވެލީ އޭނާގެ ތަޢާރަފަކަށް ވާފިރު އަހާފާނެތީ އެކަމާ ނުހަނު ކަންބޮޑުވެފައި ހުރެއެވެ.

“އާދޭ!” މަޑުމަޑުން އަކްމަލް މިހެން ބުނެ ކުރިއަށް ހިނގައިގަންނަމުން އަނެއްކާވެސް ޒީވާގެ އަތުގައި ހިފަންއުޅުނެވެ. އެހެންނަމަވެސް ޒީވާ ލައިގެން ހުރި ޖީންސްގެ ޖީބުން އެއްޗެއް ނަގާކަމަށް ހެދުމުން އަކްމަލްއަށް އޭނާގެ އަތަކު ނުހިފުނެވެ.

“ހާދަ ލަދުން ތިއުޅެނީ، ބައްޕަ ވަރަށް ކޫލްވާނެއޭ އަހަރެން ބުނީމެންނު، އެހެންނޫނަސް މިހާރު ދެން ބައްޕައަށް އެނގޭނެ ދޯ އަހަރެން ވެސް އަންހެން ކުދިންނާ ވާހަކަނުދައްކައެއް ނުހުންނާނެކަން” ސިޑިން ވަކި ހިސާބަކަށް އެރުމާއެކު އަކްމަލް، ޒީވާގެ އަތުގައި ހިފައި އޭނައާ ގާތަށް ދަމައިގަންނަމުން ބުނެލިއެވެ. އެހިނދު ޒީވާ އައިސް ތަތްވީ އަކްމަލްގެ ގައިގައެވެ.

“ދެން ނޫން އަކްމަލް” ހާސްވެގެން ތެޅިގަތްފަދަ ގޮތަކަށް އަކްމަލްގެ އަތުގެތެރެއިން ސަލާމަތްވާން އުޅުނު ޒީވާ ބުނެލިއެވެ. ޒީވާގެ އަތުން ދޫކޮށްލަމުން އަކްމަލް ހިނިގަނޑެއް ޖަހާލިއެވެ. ދުވަހަކަށްވުރެ ދުވަހެއް އަކްމަލް އާއި ގާތްކަން ބޮޑުވާވަރަކަށް އޭނާގެ ޠަބީޢަތުގައި ސަކަގޮތެއް ހުންނަކަން ޒީވާއަށް ފާހަގަކުރެވުނެވެ.

ކޮޓަރިތެރެއިން ނުކުތް ސުހާނާ އޭނާގެ އަތުގައި އޮތް ތަށިތަކާއިއެކު އުނދަގޫގޮތަކަށް ދޮރުލާއްޕާލަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ ބެލްކަންޏާ ދިމާލަށް ދިޔަ އަކްމަލެވެ. ޚާއްޞަކޮށް އޭނާއާއެކު ހުރި އަންހެންކުއްޖާއެވެ. އަވަސް އަވަހަށް ކޮޓަރީގެ ދޮރު ވެސް ނުލައްޕާ ސުހާނާ ހިނގައިގަތީ އަކްމަލް އާއިއެކު ހުރީ ކޮންއަންހެންކުއްޖެއްތޯ ބެލުމަށެވެ. ކިތަންމެ ހަލުވިކޮށް ހިނގާފައި އައިނަމަވެސް އޭނާއަށް ފެނުނީ އެއަންހެންކުއްޖާގެ ފުރަގަހެވެ. އޭގެ އިތުރުން ނިއުޅާލާފައި އޮތް ކުރުއިސްތަށިގަނޑުން އެ ކުއްޖާގެ މޫނުގެ އެއްފަރާތް ވެސް ސުހާނާއަށް ފެންނަވަރެއް ނުވިއެވެ. ޗޮކެއް ކަނޑާލުމާއިއެކު މޫނުމައްޗަށް ފޫހިކަމެއް ވެރިވެގެން ދިޔަ ސުހާނާ އެނބުރި އޭނާ އައިކޮޅަށް ހިނގައިގަތެވެ. ސިޑިން ފައިބައިގެން ސިޓިން ރޫމުން ލާފައި ބަދިގެއަށް ދިއުމުގެ ކުރިން ސޯފާގައި އިން ވާފިރުގެ ހުރަސްކަނޑާލި ސުހާނާ ކުއްލިއަކަށް އޭނާއާ ދިމާލަށް އެނބުރުނެވެ.

“ކާކުތަ އަކްމަލްއާއެކު އައިސްގެން އެ އުޅެނީ” މިފަހަކަށް އައިސް ސުހާނާގެ ހުންނަ ރުންކުރު ގޮތްގަނޑުގައި އަހާލިއެވެ.

“އަކްމަލުގެ ރައްޓެހިކުދިންނެންނު އޭނާ ގެންނާނީ” ވާފިރު މިހެން ބުނުމާއިއެކު ސުހާނާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެންދިޔައީ ސިކުނޑިއަށް އައު ޚިޔާލެއް އައުމުން މޫނުމަތި ބަދަލުވާހެނެވެ. އިތުރަށް ކަމެއް އޮޅުން ފިލުވަން ނޫޅެ ސުހާނާ ވަނީ ބަދިގެ ތެރެއަށެވެ. އެހެންނަމަވެސް އޭނާގެ ލޯ ބަދިގެއަށް ވަދެވުމާއެކު ކޮޅުކޮޅަށް ހިންގާލީ ކަމެއްވެގެންކަން ޔަޤީނެވެ. އަތްމަތި އަވަސްކޮށްލާފައި ހުރިހާ ތަށްޓެއް ދޮވެ ނިންމާލަމުން ސުހާނާ ބަދިގެއިން ނުކުމެގެން އައީ ނަބީހާގެ ކޮޓަރިއާ ދިމާލަށެވެ. އޭނާ އައިސް ނަބީހާގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އެނދުގެ ބާލީހެއްމަތީ ކުރުއަތްމައްޗަށް މަޖައްލާއެއް ކިޔަން އޮތް ނަބީހާގެ އަޑު އިވުނެވެ.

“ކިހިނެއްވީ؟” ނަބީހާ ފަރުވާކުޑަގޮތަކަށް ސުހާނާއަށް ބަލާލާފައި މިހެންބުނަމުން ނަޒަރު އެނދުމަތީ ބަލަން އޮތް މަޖައްލާއަށް ހުއްޓާލިއެވެ.

“މަންމަ ނުފެންނާތީ، ކީއްތޯ ކުރަނީ ބަލާލީ، ބައްޕަގެ ރަންދަރި އެބައުޅޭ މިގެއަށް އަންހެނަކު ވައްދައިގެން، އެކަން މަންމައަށް އެނގޭތަ” ސުހާނާ ކިތަންމެ ނޫންކަމަށް ހެދެމުންވިޔަސް އޭނާ ދޭން އައި ޚަބަރު ނަބީހާގެ ކަންފަތާ ހަމައަށް ފޮނުވާލީ އޭތި ހޫނު ބޮމެއްހެން ގޮއްވާލުމަށެވެ.

“ކާކު؟ އަދީލުތަ؟، އޭނާ ގެންގުޅޭ އަންހެނުންގެ ވާހަކަ މަގޭ ގާތު ނުދައްކާ، އަހަރެން ބޭނުމެއްނޫން އިތުރަށް އަދީލަށް…” ނަބީހާގެ ޖުމްލަ ފުރިހަމަ ނުވަނީސް ސުހާނާ ވާހަކަދެއްކިއެވެ.

“އަދީލުބެއެއް ނޫނޭ، އަކްމަލްއޭ އަންހެނަކު ގޮވައިގެން ކޮޓަރިއަށް އެވަނީ” ނަބީހާގެ ވިސްނުން ރަނގަޅު މިސްރާބަށް ސުހާނާ އަނބުރާލިއެވެ.

“ނުވާނެ އެހެނެއް، އަކްމަލް އަންހެންކުއްޖަކު ގެއަށް ގެނައި” ނަބީހާގެ ސަމާލުކަން ސުހާނާއަށް ހުއްޓުމާއެކު ބަރުހެލިގޮތަކަށް އެނދުންތެދުވެ އިށީނދެއްޖެއެވެ. އަދި ހައިރާންވެފައި ސުވާލުގެ ނަޒަރަކުން ސުހާނާއަށް ބަލަންފެށިއެވެ. ހީވީ އިވުނު ވާހަކައިގެ ތަފްޞީލު ބޭނުންވެފައި އިންހެންނެވެ.

“އާން! އާން! ހަމަ އަކްމަލް، ބައްޕައަށް ވެސް އެނގޭ، އަންހެންކުއްޖަކު ގޮވައިގެން ގޮސް ކޮޓަރީގައި އެބައުޅޭ، ރަނގަޅަށްވެއްޖެއްޔާ މަންމަ ކޮޓަރީގައި އޮތް ވަގުތެއް ބަލާފައި އަވަހަށް ގެއަށް އެ ވެއްދީ، ދެން އެހެންނޫނަސް ބައްޕަގެ ގޮތް އަހަންނަށް ވެސް އޮޅިފައެއްނެތް، އަކްމަލް ކަމެއް ކުރިޔަސް ބައްޕަ ނުބުނާނެ އެކައްޗެއް ވެސް، ހުރިހާ ހަޅޭކެއް ލަވާނީ އަހަންނާ ދިމާލަށް” ތުންގަނޑު އޫކޮށްލި ކޮށްލީނުން ނޭފަތު ކުރިއަށްވުރެ ވެސް ބޭރަށް ސުހާނާގެ ތުންފަތް ދިއްވެފައި ހުއްޓެވެ.

“އަހަރެން ބޭނުން އެއީ ކޮންކުއްޖެއްތޯ ބަލަން، ހިނގާބަލަ” އަވަސް އަރުވާލާފައި އެނދުމަތިން ފައިބަން އުޅުނު ނަބީހާ ބުންޏެވެ. އަދި އޭނާ ކޮޓަރިން ނުކުންނަމުން ސުހާނާގެ އަތުގައި ހިފާލާފައި އޭނާއާއެކު އަންނާށޭ ބުނާ ކަހަލަގެ އިޝާރާތެއް ކޮށްލިއެވެ.

“ވާފިރު، ތެދެއް! އަކްމަލް އަންހެންކުއްޖަކު ގެއަށް ގެނައްޔޭ؟، މަށަށް ގޮވާލިނަމަ” ވާފިރުގެ ގާތުގައި ނަބީހާ އައިސް އިށީންނަމުން ބުނެލިއެވެ. އޭނާގެ އަޑުގައި ތަފާތު ޝައުގުވެރިކަމެއް އެކުލެވިފައި ވިއެވެ. އެތަނުގައި ވަކިން ހުރި ގޮނޑީގައި ސުހާނާއިނެވެ.

“އެއީ އެހާވަރުކަމެއްތަ؟، އަދި ނުބުނެވިފައެއް ނެތެންނު، އަކްމަލްއަކީ ވެސް ކުޑަކުއްޖެއްނޫންވިއްޔާ، އޭނާ ވެސް ކޮންމެވެސް ދުވަހަކުން ޒަވާޖީ ހަޔާތެއް ފަށާނެ، އަހަންނަށް އެނގެނީ އަކްމަލް ގުޅުނަސް ގުޅޭނީ އުޅުންހުރި ރަނގަޅު ޢާއިލާއެއްގެ ކުއްޖަކާކަން” ވާފިރުގެ ފަހު ޖުމްލަ އަޑުއިވިފައި ސުހާނާއަށް ހީވީ ސީދާ އޭނާއަށް އަމާޒުކޮށް ފޮނުވާލި ބަހުގެ ހަމަލާއެއްކަމުގައެވެ. ވަގުތުން ސުހާނާގެ ދެބުމަ އައިސް ގުޅުނު ކަހަލައެވެ. އަނގައިން ނުބުނެ ރުޅި މޫނު ހަދާލުމާއެކު ސުހާނާ ތެދުވިއެވެ.

“ކިހާ ރަނގަޅު، ކިހާ އުޅުންހުރި… ކައިވެނިކުރުމުގެ ކުރިން ފިރިހެންކުއްޖާގެ ގެއަށް އައިސް އޭނާއާއެކު އެއްކޮޓަރިއެއްގައި، އެހެންނުވާނީ، ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެންނު، ހުއް!” ސުހާނާ އޭނާގެ ކޮޓަރިއަށް ދަމުން މިހެން ބުނެލާފައި އެނބުރި ވާފިރާއި ނަބީހާއަށް ބަލާލުމެއްނެތި ހިނގައްޖެއެވެ.

“ދިސް އިޒް މައި ރޫމް” ދެއަތް ފުޅާކޮށްލަމުން ކޮޓަރީގެ ވަށައިގެން އިޝާރާތްކުރާ ފަދަ ގޮތަކަށް އަކްމަލް ބުނެލިއެވެ.

“އަހަރެން އަންނާތީތަ މިހާ ކްލީންކޮށްފަ މިއޮތީ؟” ވަށައިގެން ބަލާލަމުން ޒީވާ ބުނެލިއެވެ.

“ހެ ހެ ހެ… ތެދަށް ބުނަންޏާ ޔެސް، ޒީވް މި ކޮޓަރިއަށް ވަދެފައި ކިޔާނެ އެއްޗެހި އަހަންނަށް އެނގޭ، އެހެންވެ މިއަދު އެހާވަރުން މިއޮތީ ހުރިހާ ތަނެއް ސާފުކޮށްފައި” އަކްމަލް ހީނލާފައި ބުނެލިއެވެ.

“ކޮބާ!، ޒީވް ކިހާ މޮޅު، ދެން ހިނގާ މިތަނުން ނުކުންނަމާ، ކޮޓަރީގައި ތިބެންވީމަ އެހާ ކޮމްފޮޓަރބަލްއެއް ނޫން” އަކްމަލްގެ އެނދުގައި އިށީންނަން ބޭނުންނުވެފައި ހުރިގޮތަކަށް ޒީވާ ބުނެލިއެވެ.

“އެވަރުކަމެއްތަ، އާދެބަލަ މިތާ އިށީންނަން، ކިހާ ދުވަހެއް ފަހުންތަ އަހަންނަށް ޒީވް މި ފެނުނީ، ބޭނުން ވަރަށް ކްލޯސްކޮށް ތި މޫނަށް ބަލާލަން، ދެން ދުރުގައި ނުހުރެބަލަ” އަކްމަލްގެ ވާހަކަތަކުގައި ހުރީ މަސްތީގޮތެއް ނަމަވެސް ޒީވާގެ ހިތް ބިރުގަންނަ ފަދަ އިޙްސާސެއް ކުރެވެނީއެވެ. އަކްމަލް އާއިއެކު އެހާ ގާތްކޮށް އުޅެން ފުރުޞަތު ލިބުމުން ވެދާނެގޮތަކާއިމެދު ޒީވާ ކަންބޮޑުވާ ކަހަލައެވެ.

އަކްމަލް މަޑުމަޑުން ޒީވާއާ ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ޒީވާ ވެސް ފަހަތަށް ފިޔަވަޅެއް އަޅައެވެ. ލަދުވެތިކަމާއި ހިތްބިރުގަތުމާއި ހިތުގައިވާ ކުލުންވެރިކަމާއެކު އެވަގުތު ޒީވާއަށް ކުރެވެމުންދިޔައީ ވަރަށް ވެސް ތަފާތު އިޙްސާސްތަކެކެވެ. މީގެ ކުރިން އެފަދަ ހާލަތަކަށް އޭނާ ނާދެއެވެ. ނޭވާ ވެސް އަވަސްވެއްޖެހެން އޭނާއަށް ހީވެއެވެ. އޭނާގެ ދެއަތްމުއްކަވާލަނީ ލިބެމުންދިޔަ ހާސްކަން ފިލުވާލުމުގެ ގޮތުންހެން ހީވެއެވެ. އެހެންވިޔަސް އަކްމަލްއަށް އެއިން އެއްވެސް ކަމެއް ޒީވާގެ ފަރާތުން ފާހަގަ ނުވާކަހަލައެވެ. ފަހަތަށް ޖެހެމުންދިޔަ ޒީވާ ހުއްޓުމަކަށް އައީ އޭނާގެ ބުރަކަށި ކަބަޑެއްފަދަ އެއްޗެއްގައި ޖެހުމުންނެވެ. ނަމަވެސް އަކްމަލްގެ ސިހުރުގައި ޖެހެމުންދިޔަ ޒީވާއަށް އޭނާއާ ނަޒަރުވަކިކޮށް ނުލެވުނެވެ. ފަހަތުން ޖެހުނީ ކޮންއެއްޗެއްގައިކަން ވެސް ބަލާލަން ޒީވާގެ މޫނު އަނބުރާނުލެވުނީ އެހެންވެއެވެ. މަޑުމަޑުން އަކްމަލް އައިސް ޒީވާގެ ކޮނޑުން ފެށިގެން ތިރިއަށް އޭނާގެ ދެއަތްތިލަ މަޑުމަޑުން ބީއްސާލިއެވެ. އެއާއެކު ޒީވާއަށް ޤަބޫލުކުރެވުނީ އޭނާގެ ހިތުގެ ތެޅުން އަވަސްވިވަރުން އެ ހިތްތެޅޭ އަޑު ކުރިމަތީ ހުރި އަކްމަލްއަށް ވެސް އިވޭނޭ ހެންނެވެ. އިސްޖަހާލުމާއެކު ދެދަތްޕިލާ ޖައްސާ ބާރުކޮށްލެވުނީ ހިތާ ހަށިގަނޑުގައި އުފެދެންފެށި އޮއެވަރު ހަމައަކަށް އެޅުވުމުގެ ގޮތުންނެވެ. އަކްމަލް، ޒީވާގެ މޫނުގެ އެކި ގުނަންތަކުގައި ބޮސްދޭންފެށިއެވެ. ލޯތްބާއި އޯގާތެރިކަމުގެ ފިރުމުންތަކާއެކުއެވެ. ހަޤީޤަތުގައި ދެހިތް ވެސް ވަނީ އަވަސްވެފައެވެ. އަމިއްލަ ހަރަކާތްތަކުގެ މައްޗަށް އަކްމަލްއަށް އެއްވެސް ބާރެއް ނުފޯރުވޭ ކަހަލައެވެ. އަނެއްކޮޅުން ޒީވާއަށް އަކްމަލްގެ އެއްވެސް ޢަމަލަކަށް ދެކޮޅެއް ނުހެދެއެވެ. ހޫނުކަމުގެތެރޭގައި މަޑުމަޑުން އޮވެ ވިރެމުންދާ ގަނޑުފެންކޮޅެއް ފަދައިން ޒީވާގެ ހިތުގެ އިޙްސާސްތައް ފުންވެ އަކްމަލްއާ ގާތްވެލުމާއިއެކު އެއަތުގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވޭ ގޮތްވިއެވެ. ދެހަށިގަނޑުޖެހި ފިތިބާރުވެގެންދިޔައިރު ހާއަޅާނޭ އެއްވެސް ޖާގައެއްނެތެވެ. އެހެންނަމަވެސް ކުއްލިއަކަށްވީ ކިހިނެއްކަމެއް ނޭނގި އަކްމަލް، ޒީވާގެ ގައިން ދޫކޮށްލުމާއެކު ދުރަށް ޖެހިލިއެވެ. އޭނާ އެހެން ހެދުމުން ޒީވާއަށް ވެސް ސިހުމެއް ލިބިގެން ދިޔައެވެ. އަވަސް އަވަހަށް މޫނުމަތީ އަތްތިލަ ޖައްސާލެވުމާއެކު ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރި ޒީވާއަށް އިސްޖަހާލެވުނެވެ. އޭރު ކޯތާފަތާއި ނޭފަތުކޮޅުގައި މަޑުމަޑު ޖަންބުކުލައެއް އަރާފައި ހުއްޓެވެ. ހީވީ ހަމަހޭވެރިކަން ލިބުމުން ޒީވާ ރަކިވެ ލަދުގަތީ ހެންނެވެ.

“ސޮރީ، އަހަންނަށް ހީވަނީ ކޮޓަރީގައި ތިބުމަކީ ޒީވް ބުނިހެން ރަނގަޅު ޚިޔާލެއް ނޫންހެން” އަމިއްލަ ހަށިގަނޑަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަޤީންވެފައި ހުރި ހާލުގައި ޒީވާއަށް ފުރަގަސްދީގެން ހުރެ އަކްމަލް ބުނެލިއެވެ.

އެއްޗެއް ބުނަން ނޭނގިފައި ޒީވާ ހުރީއެވެ. އަކްމަލްގެ ހަރަކާތަކަށް މަޑުކޮށްގެން ހުރި ފަދަ ގޮތަކަށެވެ. އެދެމެދަށް ހިމޭންކަމެއް ވެރިވެގެންދިޔައީ ދެނެވެ. އަކްމަލް ފުރަގަސްދީގެން އިރުކޮޅަކު ހުރުމަށްފަހު ޒީވާއާ ކުރިމަތިލިއެވެ. އަދި ލޯތްބާއިއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ހިނގާ ބެލްކަންޏަށް، މިގަޑީގައި އެތަނުގައި އެކަކު ވެސް ނޫޅޭނެ” އަކްމަލް ކޮޓަރިން ނުކުންނަން ދޮރުހުޅުވާލަމުން ބުންޏެވެ. އަދި ޒީވާއަށް އެއްއަތް ދިއްކޮށްލީ އެއަތުގައި ހިފާށޭ ބުނާފަދައިންނެވެ.

“ޒީވް، އެއްޗެއް ހީނުކުރައްޗޭ، އަސްލު އަހަރެންގެ އިންޓެންޝަނަކީ އެޔެއްނޫން، ކޮޓަރިއަށް ޒީވް ގޮވައިގެންވަނީ އެ ފަދަ ކަމެއް ކުރާކަށްނޫން، އެކަމަކު ޒީވް އަހަރެންގެ ކުރިމަތީގައި ހުއްޓަ ކިހިނެއް ދުރުގައި ހުންނާނީ، އަހަރެންގެ އެކްޝަންސް އަހަރެން ކޮންޓްރޯލު ކުރަން ޖެހޭނެ، ސޮރީ އިނގޭ…” ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލަމުން އަކްމަލް ވާހަކަދައްކަން ފެށިއެވެ. އޭރު އޭނާ މަޑުކޮށްލީ ވެސް ޒީވާއާ ދެތިން ފިޔަވަޅު ދުރުގައެވެ.

“ކިއްވެތަ އެއްޗެއް ނުބުނީ” ޒީވާ އަނގައިން ނުބުނެ މާމަޑުމަޑުން ހުންނަން ފެށުމުން އަކްމަލް ސުވާލުކޮށްލިއެވެ. އޭރު ވެސް ޒީވާގެ ސިކުނޑީގައި ވަނީ ކުޑައިރުކޮޅެއް ކުރިން އަކްމަލް އުޅުނުލެއް ގާތްކަމުގެ ޚިޔާލުތަކެވެ.

“އައި ލަވް ޔޫ…” ޒީވާ، އަކްމަލްއާ ގާތަށް ކުޑަކޮށް ޖެހިލަމުން ބުނެލިއެވެ.

“އަހަންނަށް….” އަކްމަލްގެ ސަމާލުކަން އަތުލީ އޭނާގެ ނަން ނަބިހާ ގޮވާލިއަޑަށެވެ.

“އަކްމަލް، މިރޭ ނުވެސްކަންތައް؟” ކޮންމެވެސް ބަހަނާއެއް ދައްކާފައި ބެލްކަންޏަށް އައި ނަބީހާ ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

“މަންމަ… ކާން…” އަކްމަލް ކުޑަކޮށް ޖެހިލުންވެ ހުރެ އެއްފަހަރު ޒީވާއަށް އަނެއްފަހަރު އެމީހުންގެ ގާތަށް އައިސް ހުއްޓުނު ނަބީހާއަށް ބަލަމުން އެއްޗެކޭ ބުނަން އުޅުނެވެ. އެހެންނަމަވެސް އަކްމަލްގެ ދުލުން “މަންމަ” އެ ލަފުޒު ނުކުތުމާއެކު ޒީވާ ވަގުތުން ފިނިވެއްޖެއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން އިސްޖަހާލައިގެން އެއްއަތުން ބެލްކަނީގެ ރެއިލިންގްގައި ހިފަހަށްޓާލައިގެން ހުއްޓެވެ. އެކަން ނަބީހާއަށްވީ ރަނުގެ ފުރުޞަތަކަށެވެ. ހިތްފުރޭ ވަރަށް އަކްމަލްގެ ގާތުގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އަކްމަލް، ޒީވާގެ ގާތަށް ޖެހިލަމުން މަންމައަށް ޒީވާގެ ނަން ބުނެދިނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *