ބަލްމާ ގޮވައިގެން ގޭތެރެއަށް ދިނާރުވަނީވެސް އަތްދަނޑިމަތީގައި އޭނާ އުފުލައިލައިގެން ހުރެއެވެ. އޭރު ޓެކްސީގައި އިނދެފައި އާން ގާތު މުއާދާއި މިންހާޖު ގާތު ބަލްމާމެންގެއަށް އަންނަން ބުނެފައިވުމުން އެމީހުންވެސް ގިނައިރެއް ނުވެ އައިސް އެގޭތެރެއަށްވަނީ ހާސްވެފައި ތިބެވެ. އޭރު ސޯފާގައި ބަލްމާ ބާއްވައިގެން އޭނާ ހިފެހެއްޓޭތޯ ދިނާރު މަސައްކަތް ކުރަމުން ދިޔައެވެ.
“މިންހާޖު، ހާރޫނުގެ ނަންބަރު މަށަށް ސޭވްއެއް ނުކުރެވޭ، ނިކަން އަވަހަށް އޭނާއަށް ގުޅާބަލަ” ދިނާރު، މިންހާޖަށް ބަލާލަމުން ބުންޏެވެ. އޭނާ ބަލްމާ ހިފަހައްޓަން ކުރާ މަސައްކަތްވީ ބޭކާރެވެ. އެއާއިއެކު މުއާދުވެސް އައިސް ދިނާރަށް އެހީވާންފަށައިފިއެވެ.
“މިތިންދުވަހު ބަލްމާ ބޭރަށް ނުނިކުންނައްޗޭ ބުނެފަ އެންނު ހާރޫނު އޮތީ، އޭނާ އެންމެ ފުރަތަމަވެސް އެ އެހީ ބަލްމާ ގޭން ބޭރަށް ނުކުންހޭ، ދިނާރު… ކީއްވެ ބަލްމާ މިގޭން ބޭރަށް ނުކުތީ” މިންހާޖު ފޯނުން ހާރޫނާއި ވާހަކަދައްކަން ހުރެފައި ދިނާރަށް ބުންޏެވެ.
“އަހަރެންގެ މަންމަ ގުޅާވަރުން އުޅުނީ ގެއަށްގޮސްލާފަ އަންނަންވެގެން މިރޭ، އެކަމަކު ބެލް އެކަނި ހުންނަން ބޭނުންނުވާކަން އެންމެނަށްވެސް އެނގެއެންނު، އެހެންވެ ބުނެވުނީ ހިނގާށޭ އަހަންނާއިއެކު ގެއަށްދާން، އެއްގޮތަކަށްވެސް ހަނދާނެއްނެތް ބެލް ގޭން ބޭރަށް ނުނިކުންނަން ބުނެފައިކަން އޮތީ، ގޭން ނުކުތީ ވަރަށް އަވަހަށް ގޮސްލާފަ އަންނަންވެގެން އެކަމަކު…” އާންގެ ވާހަކަ ނުނިމެނިސް ދިނާރު ވާހަކަދެއްކިއެވެ.
“މީ ކިހިނެއްވެފަ މިހިރީ، ގޭގަ މިއަދު ކަމެއް ހިނގީތަ” ދިނާރު އިޝާރަތްކުރީ ބަލްމާގެ އަތާ މޫނުގައި ހުރި ނިޝާންތަކަށްކަން އާންއަށް އެނގުމުން، އެކަން ވީގޮތްވެސް އާން ކިޔާދިނެވެ. ކަންތައްތައް ވަރަށް ގޯސް ވަމުންދާހެން ދިނާރަށް ހީވިނަމަވެސް އެކަންކަން ހައްލު ކުރުމަށް ކުރާނީ ކޮންކަމެއްކަން ދިނާރަކަށް ނުވިސްނުނެވެ. އެންމެ ފަހުން ޖީބުގައި އޮތް ފޯނު ނަގާ ޤުރުއާން ޖެހިއެވެ. އަދި ބަލްމާއަށް އަޑުއިވޭނޭހެން ކަންފަތްކައިރީގައި ފޯނު ބޭއްވިއެވެ. އެއާއިއެކު ހީވީ ބަލްމާގެ ހުރިހާ ގުނަވަންތަކެއްވެސް ވަކިވަކިވެދާނެ ހެންނެވެ. ވުގުތުން ދިނާރު ބަލްމާގެ ދެއަތް ބާރަށް ހިފަހައްޓާލުމާއިއެކު އޭނާގެ އަތް ބަލްމާ ވަށާލިއެވެ. މުއާދު އިނީ ބަލްމާގެ ދެފައިގައި ބާރަށް ބައްދައިގެންނެވެ.
“މިންހާޖު، އޭނާ ކައިރީ އަހާބަލަ ދެން ކިހިނެއްތޯ ހަދަންވީ، މިގެއަށް އަންނަންވީ ނޫންހޭ” ދިނާރު ބޯހާސްވެގެން ގޮސް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެންނަމަވެސް މިންހާޖު އެކަމާ ސަމާލުކަމެއް ނުދީ ބެލީ ހާރޫން ކައިރިން ޚައްލެއް ފެނޭތޯއެވެ.
ހުރިހާކަމެއް ހަމައަކަށް އެޅުނުއިރު އަނެއްކޮޅުން ހާރޫންމެންގެއަށް ދާންޖެހޭ ވަގުތު އޮތީ ޖެހިފައެވެ. އެހެންނަމަވެސް އެގެއަށް ދާ ދިއުމަކީ ހަޤީޤަތުގައި މިންހާޖުގެ ފައިދާއަށް ދާދިއުމެއް ކަމުން، ކަންކުރަންވީ ގޮތް ހާރޫން ކިޔާދިނީ މިންހާޖަށެވެ.
ހާރޫންގެ ފޯންކޯލު ނިންމާލުމަށްފަހު މިންހާޖު ސޯފާ އާއި ދިމާލަށް ދިޔައެވެ. އޭރު ދިނާރުގެ އުނގުގައި ބޯއަޅައިލައިގެން ބަލްމާ އޮތެވެ. އޭނާގެ ދެލޯ ވަނީ މަރާލެވިފައެވެ. ވެފަހުރި ވަރުބަލިކަމާއިއެކު ހަށިގަނޑުގެ ހަކަތަ ހުސްވެފައިވާކަހަލައެވެ. އެހެންވެ ލޯހުޅުވާލާނޭހާ ވަރުވެސް ބަލްމާގެ ނެތީކަންނޭގެއެވެ. ކައިރީގައި މުއާދު އާއި އާން ތިއްބެވެ. އާންގެ މޫނުމަތިން ފާޅުވަމުންދިޔައީ، އޭނާގެ އަމިއްލަ ނަފްސުކުށްވެރިކުރާފަދަ އިޝާރާތްތަކެކެވެ.
“ހާރޫން ބުނީ މިރޭ އެގެއަށް އަންނާނެ ކަމެއްނެތޯ، ހަތިމު ގެނެސްގެން ކިޔަވަން ފަށަންވީ، އޭނާ ބުނި ތަންތަން ނޯޓު ކޮށްލައިފިން، އަސްލު މިރޭ ބެލް ބޭރަށްނެރުން ރަނގަޅެއް ނުވާނެއެންނު ދޯ” މިންހާޖު ބުންޏެވެ.
“އެވެސް ދެން ހާދަ ހެއްވާ މީހެކޭ، ކުރާކަމެއް ކުރަން މިޖެހެނީ އަހަރުމެން، އެކަމަކު އޭނާ ބުނި ވަރަކަށް ފައިސާދޭން އެއްބަސްވީން، މިވަރުވެގެން ދާއިރުވެސް އޭނާ ބޭނުމެއްނޫން މިގެއަށް އަންނާކަށްވެސް، އަހަރުމެންނަކީ މިކަހަލަ ކަންތައްތައް ކުރާބައެއްވެސް ނޫން، އޭނަ ކިޔަވާށޭ ބުންޏަސް އަހަރުމެންނަށް ނޭނގޭނެ އެއީ ކީއްކުރަން ކިޔަވާ އެއްޗެއް ކަމެއްވެސް، މިންހާޖު، އަހަންނަށް ހީވަނީ އޭނަ ފައިސާގަ ހިފާފަ، މިކަމާ ފަރުވާކުޑަކޮށްލަނީހެން” ދިނާރު ހިތްހަމަ ނުޖެހުނެވެ. ބަލްމާއަށް ވީވަރާ ބަލާފަ އޭނާވެސް ޤަބޫލު ކުރާ ގޮތުގައި ބަލްމާ މިރޭ ގެއިން ބޭރަށް ނުނެރުން އެއީ އެންމެ ބުއްދިވެރި ގޮތެވެ. އަނެއްކޮޅުން ހާރުން އުޅެނީ އެމީހުންނަށް އެހީވާން އުޅޭ މީހަކު ހެންނެއް ނޫނެވެ. އެކަމާ ދިނާރު ސުވާލު އުފެދެނީއެވެ.
ދިނާރު ބަލްމާގެ ބޯމަޑުމަޑުން ހިއްލާލާފައި ސޯފައި ހުރި ކުޝަންތަކުން ކުޝަނެއް ބޯދަށަށް ލައްވާލިއެވެ. އަދި މިންހާޖު އާއިއެކު ގޮސް ބަލްމާގެ ކޮޓަރިއަށް ވަނެވެ. ދެމީހުން ވުޟޫކޮށްގެން ހަތިމު ހިފައިގެން އައިސް ސިޓިން ރޫމަށް ނުކުތީ ބަލްމާގެ ކޮޓަރީގައި ހުރި ކޮމްޕިއުޓަރުން ޤުރުއާން ޖަހާފައެވެ. ދިނާރު އައިސް ސޯފާގައި އިށީނދެ އޭނާގެ އަތުގައި އޮތް ހަތިމު ހުޅުވާލި ތަނާހެން މިންހާޖު ވާހަކަދައްކަން ފެށިއެވެ.
“އަހަރެން ކިޔަވާނީ، ބެލްއަށް ކަމެއްވެއްޖެއްޔާ އޭނާ ހިފަހައްޓަން އެންމެ ފަސޭހަވާނީ ދިނާރަށް، އެހެންވީމަ ދިނާރު އިނދޭ ބެލްކައިރީ، އަހަރެން މިކޮޅުގަ އިނދެގެން ކިޔަވާނަން” މިންހާޖު މިހެން ބުނީ ހާރޫން އޭނާގެ ގާތު ބުނެފައިވާ އެއްޗަކުންނެވެ. ކިޔަވާއެއްޗެއް ކިޔަވަންވާނީ މިންހާޖުކަމުގައި ކަމުގައި ހާރޫންވަނީ ބުނެފައެވެ. ދިނާރު ވަރަށް ފަސޭހައިން މިންހާޖު ބުނިއެއްޗެއް ޤަބޫލުކޮށްލުމަށްފަހު ހަތިމު މިންހާޖު އަތަށް ދިނުމަށްފަހު ބަލްމާގެ ގާތުގައި ސޯފާގެ ކުރިމައްޗަށް ހުރި ލަކުޑި ކުޑަމޭޒުމަތީ އިށީނދެ އިނެވެ. ކަމެއްވާނަމަ އޭނާގެ ގައިގާ ހިފަހައްޓަން ތައްޔާރުވެއެވެ.
މިންހާޖު ކިޔަވަން ފެށިތާ އިރުކޮޅެއްވިތަނާހެން ބަލްމާ ރޯންފަށައިފިއެވެ. ލޯހުޅުވުމެއްނެތި އޮތްގޮތަށް އޮވެ ގިސްލާފައި ބަލްމާ ރޮނީއެވެ. ދިނާރު ގޮވާލުމުންވެސް އެއްވެސް ޖަވާބެއް ނުދިނެވެ. ހަމަ ރޮނީއެވެ. ދެން ފެނުނީ އޭނާގެ ބޮލުގައި ދެއަތުން ހިފެހެއްޓިތަނެވެ. ކަންބޮޑުވެފައި ދިނާރަށް ބަލާލެވުނީ މިންހާޖަށެވެ. ދެން ހުއްޓާލާށޭ ބުނަން ކުއްލިއަކަށް ދިނާރުގެ ހިތަށް އެރީއެވެ. އެހެންނަމަވެސް ދިނާރު ބަލާލުމާއިއެކު މިންހާޖު ލޮލުގެ އިޝާރާތުން ރަނގަޅުވާނޭ ބުނާފަދަ ގޮތަކަށް އަންގާލިއެވެ. މިންހާޖު ކިޔަވާ ނިމެންދެން ބަލްމާ އުޅުނީ އެފަދަ ހާލެއްގައެވެ. ޚަބަރު ހުސްވެފައި އިރުކޮޅަކު އޮތުމަށްފަހު ވަރުނެތް އަޑަކުން ބަލްމާ ގޮވާލީ މިންހާޖަށެވެ. އެހެންނަމަވެސް ދިނާރު އެއަޑަށް އަވަސް އަވަހަށް ބަލްމާ އާއި ގާތްވެލާފައި ކިހިނެއްތޯ ހަދައިދޭންވީ ސުވާލު ކުރިއެވެ.
“ފެންފޮދެއް…” ބަލްމާގެ ހިކިފައިވާ އަރުން އަޑު ނުކުތީ އުނދަގުލުންނެވެ.
މުޅި ރޭ ނިމިގެން ދިޔައިރު އަމާންކަމުގެ ރެޔަކަށް ނުވިއެވެ. ތަފާތު އަޑުތައް އިވެމުންދިޔައެވެ. ބައެއްފަހަރު ގޭގެ ހުރިއްޔާ ހުރި ކުޑަދޮރުތަކެއް ތަޅައިގެން ގޮސް ބިއްލޫރިތައް ފައިބައިގަންނަ ފަދަ އަޑުފަށްގަނޑެއް އިވިދާނެއެވެ. ނޫނީ ތޫލި އަޑަކުން މީހަކު ހަޅޭލަވައިގަންނަ އަޑު އިވިދާނެއެވެ. ސިޓިން ރޫމު ދޮރުގައި މީހަކު ޓަކިދޭ އަޑުވެސް ދޭތެރެއަކުން އިވިދެއެވެ. މިހުރިހާ އަޑެއް އެވަގުތު ގޭގައި ތިބި އެންމެނަށް އިވެމުންދިޔައެވެ. އާން ބިރުންގޮސް އިނީ ވުޟޫވެސް ކޮށްގެންނެވެ. ބަލްމާދެކެ އާން ބިރުގެންފައި އިންވަރުން އޭނާ މުޅިރޭގައި އިނީ މުޢާދުގެ ގާތުގައި އިށީނދެއެވެ. މިންހާޖު ކިޔަވާ ނިންމާލުމުން ދިނާރު ކިޔަވަންފެށީ ޤުރާއާން ކިޔެވުމުންގެ ނިޔަތުގައެވެ. ގޭތެރެ އަމާންވޭތޯ ހިތައެވެ. ނަމަވެސް އަޑުފަށްގަނޑު ކެނޑި ކުއްލި ހިމޭންކަމެއް ގޭތެރެއަށް ވެރިވެގެން ދިޔައީ ފަތިސް ނަމާދު ބަންގިއަށްފަހުއެވެ.
ފަތިސް ނަމާދަށް ދިޔަ އަންބަރު ނަމާދުކޮށް ނިންމާލައިގެން މިސްކިތުން ކާސިމާއިއެކު ނުކުންނަނިކޮށް ދޯނީގެ ވެރިމީހާ އާއި ދިމާވިއެވެ. ދޯނީގެ ޚަބަރެއް ބަލަން އަންބަރު ހަނދާންވީ ދެނެވެ.
“އައްސަލާމް ޢަލައިކުމް، ކިހިނެއްތަ ރަޝީދު، ކޮބާ މިރޭ ފުރާގޮތަށް ދޯ އޮތީ” އަންބަރު ސަލާމަށް އަތްދިއްކޮށްލަމުން އަހާލިއެވެ.
“ނޫނޭ، ވަރަށް ދެރަކަމެއްވެގެން މިއުޅެނީ، ދޯނި ބޭލިތާ އަދި ނުވާނެ ދެމަސްވެސް، މުޅިން އާ އެންމެ ފަހުގެ މޮޅު އިންޖީނެއް އަޅުވާފައި ހުންނާނީ، ވީގޮތެއް ނޭނގި ހަމަ ހުރެފަ އޭތި މައްސަލަ ޖެހިގެން މިއުޅެނީ، އެކަން ރަނގަޅުވެއްޖެއްޔާ މިރޭ ފުރޭނީ” ރަޝީދު ވަރަށް ދެރަވެފައި ބުންޏެވެ.
“ހާދަ ދެރައޭ، މަގޭ އަންހެނުން މިރޭ ފުރަން ރޭންސުރެން ތައްޔާރުވަނީ، ރަޝީދުމެންގެ ދޯނި ނޫން އެހެން އެއްވެސް ދޯންޏެއް ނެތޭ އަވަހަކާ ރަށުން ފުރާ އެއްޗެއް، ރަޝީދު، ނަންބަރު ދީބަލަ، އޭރުންތާ ޚަބަރު ބަލާލަން މިއަދު ތަންކޮޅެއް ފަހުންވެސް ގުޅާލެވޭނީ” އަންބަރު ބުންޏެވެ. އޭރު އެމީހުންގެ ގާތަށް ކާސިމުވެސް އަތުވެއްޖެއެވެ. ތިން މީހުން އެކުގައި މިސްކިތުން ނުކުމެގެން ގޭދޮށަށް ދާން ހިނގައިގަތެވެ.
ހެނދުނު ސައިހަދަން ހުރި ދާރާއަށް ދޯނި ނުފުރާކަން އެނގުމުން ވަރަށް މާޔޫސްވިއެވެ. ދެން ހަނދާނެ އިތުރު ގޮތެއްވެސް ނެތުމާއިއެކު ރަށުގައި އެކަނި ހުރި ބަލްމާ އާއިމެދު ކަންބޮޑުވިއެވެ. ބަލްމާ އެކަނި ހުންނަން ލިބުމުން އޭނާއަށް އެލިބުނީ ވަރަށް ބޮޑު މިނިވަންކަމެއް ކަމުގައި ދާރާ ދެކުނެވެ. އެހެންވެ ބަލްމާއަށް ގޯސް މަގަކުން ދެވިދާނެކަމުގެ ބިރު ދާރާގެ ހިތުގައި ވަރަށް ބޮޑަށް އުފެދުނެވެ. ނަމަވެސް ބަލްމާއަށް ގުޅާފައި އެބަދަމޭ ކިޔާ ދޮގެއް ނުހެދޭނެއެވެ. ހިތްހަމަ ނުޖެހުނު ވަރުން ދާރާ ހުރިހާ ކަމެއް ގޯހުން ގޯހަށް މިދަނީ އަންބަރުގެ ސަބަބުން ކަމުގައި ދެކި ރުޅި ގަދަވެފައި ހުއްޓެވެ.
“އަނެއްކާވެސް ފުރުން ލަސްވީ، ވަރަށް ފޫހިވޭ، ލޯބި އަންނަންވީނު އަހަރެން ބަލާ” ބަތީލު ފޯނުން ވާހަކަދެއްކީ މިންހާޖުއާއެވެ. މިފަހަކަށް އައިސް ބަތީލުގެ މައްޗަށް މިންހާޖުގެ ޝައުގުވެރިކަންވަނީ ކުޑަވާންފަށާފައެވެ. އެހެންހީވެ ބަތީލު އެއްޗެއް ބުންޏަސް މިންހާޖު އެއްބަސްވާކަށް ބޭނުމެއްނުވެއެވެ. އޭގެ ބަދަލުގައި އެތަށް ހާސް ދޮގެއް އޭނާ ހަދައެވެ. އަނެއްކޮޅުން އޭނާ ދިޔައީ ސިކުނޑީގައި ކަމެއް ރާވަމުންނެވެ. އެއީ ބަތީލާއި ވަކިވާން ހަދާނެ ގޮތަކާއިމެދުގައެވެ. އެންމެ ފަސޭހައިން ދުރުވެވޭނީ ބަތީލު އޭނާދެކެ ފޫހިވާކަހަލަ ކަމެއް ކުރީމަކަން މިންހާޖަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ބޭނުންވަނީ އެފަދަ ކަމެއް ނުކޮށް ހަމަހުރެފައި ބަތީލު އޭނާގެ މަތިން ފޫހިވާށެވެ. އެކަމަށްވެސް އޭނާއަށް އޮތް ޚައްލެއް ކަމުގައިވީ ހާރޫނެވެ. އޮލަވާހަކައިގައި ފޯނުގައި ހުރެ ދޮގުތައް ހަދަމުން ދަނިކޮށް އިތުރު ކޯލެއް ފޯނެއް އަންނަން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއިއެކު އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް ބަތީލު ގާތު ފަހުން ގުޅާނަމޭ ބުނެ ފޯނު ބޭއްވިއެވެ.
“ހެލޯ، ކިހިނެއްވީ ތި ގުޅާލީ” މިންހާޖު ބަތީލުގެ ކޯލު ކަނޑާލަމުން ދެން އައި ކޯލު ނަގާ ބުންޏެވެ.
“ކަމެއްނުވޭ، ހަމަ ކުއްލިއަކަށް ހިތަށް އެރީ މިންހާޖަށް ގުޅާލަން، ކީއްކުރަނީ” ފޯނުން މިންހާޖަށް އިވުނީ ބަލްމާގެ އަޑެވެ. ހިނިއައިވަރުން އަނގައިގައި ހުރި ހުރިހާ ދަތެއްހެން ވާހަކަދެއްކި އިރު ފެންނަން ހުއްޓެވެ.
“އަހަރެން މާބޮޑު ކަމެއް ނުކުރަން، ބެލް ރަނގަޅުތަ، ކޮބާ ދިނާރު” މިންހާޖު އެހިއެވެ. ބަލްމާ، މިންހާޖާއި ވާހަކަދައްކަމުން ދިޔައީ އެއްވެސް ނުރުހުންވެރިކަމެއް ނެތިއެވެ. ގާތް ރަޚުމަތްތެރިއަކަށްވުރެ ގާތްގޮތަކަށެވެ. އޭނާއަށްވެސް ބުނެވޭ އެއްޗެއް ބައެއްފަހަރު ނުވިސްނެއެވެ. އެހެން ބުނެވެނީ ކީއްވެކަމެއް ނޭނގެއެވެ. ބަލްމާ، މިންހާޖަށް ގުޅިއިރު ދިނާރު އޮތީ ސޯފާގައި ނިދާފައެވެ. އެހެންވެ ދިނާރަށް ބަލްމާ، މިންހާޖަށް ގުޅިކަމެއްވެސް ނޭނގެނެޔޭ ބުންޏެވެ. އެހެން ބަލްމާ ބުނަން ޖެހުނީ ކީއްވެކަމެއް ބަލްމާއަކަށް ނުވިސްނުނެވެ. ހިތުގައި ބުނެދޭންނޭނގޭ ހުސްކަމެއް އުފެދިފައިވާކަމުގެ އިޙްސާސް ބަލްމާއަށް ކުރެވެއެވެ. ދިނާރަށް ބަލާލުމުންވެސް އޭނާއަށް ކުރިން ކުރެވޭފަދަ އެއްޗެއް އިޙްސާސެއް ނުކެރެވެއެވެ. ބަލްމާ ހަނދާންވާގޮތުގައި ދިނާރާއި އޭނާ އާއިމެދުވަނީ ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. ހުރިހާ ކަމެއް ބަލްމާއަށްވަނީ އޮޅިފައެވެ. މުޅިން އާ އިޙްސާސްތަކެއް ކުރެވެންވީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަރަތެއްފަދަ ކަމެކެވެ.
ލިބުނު ކާމިޔާބާއިއެކު މިންހާޖު ގުޅީ ހާރޫނަށެވެ. ނަމަވެސް ހާރޫން އޭނާއަށް ދިނީ ވަރަށް ނުބައި ޚަބަރެކެވެ.
“ކަލޭ އެއަންހެން ކުއްޖާ އާއި ގުޅުނަސް އެޖިންނި ގޯނާ ކުރާނެ ހަމަ މިހާރެކޭ އެއްގޮތަށް، އޭގެ އުނދަގޫ ކަލެއަށްވެސް ކުރިމަތިވެދާނެ” ހާރުން ބުންޏެވެ. އެހެންނަމަވެސް މިންހާޖު ޖެހިލުން ކުޑަކޮށްލާފައި ދިން ޖަވާބު ވަރަށް ތަފާތެވެ.
“އަހަރެން މިއުޅެނީ ކޮންމެހެން މުޅި އުމުރު ދުވަހު އޭނާ އާއިއެކު އުޅޭކަށް ނޫނޭ، ބޭނުންވަނީ ދިނާރާ ދެމީހުން ދުރުކޮށްފަ، އެއަންހެންކުއްޖާ މަށާ ހެދި ހޭބަލިވެގެން އުޅޭތަން އޭނައަށް ދައްކާލަން، މިހާތަނަށް އަހަންނާ ދިމާލަށް ނޫނެކޭ އަންހެން ކުއްޖަކު ބުނެފައެއްނެތް، އެހެންވީމަ އެ ނޫނެކޭ، އާނއެކޭ އަކަށް ބަދަލުކޮށްލަން ބޭނުންވަނީ، މައްސަލައެއްނެތް ދެތިން ދުވަހަށް ވިޔަސް، މަށަށް އެވަރުންވެސް ފުދޭނެ” މިހެން ބުނެ މިންހާޖު ހިނިގަނޑެއް ޖަހާލިއެވެ.
“ކަލޯޔަށް އެބަހުރި ދުނިޔޭގެ އުޅެން ދަސްވެފަ، އެހެންމީހަކު ލައްވާ މަށަށް ފައިސާ ދީފައި ތިކުރުވަނީ މިންހާޖު ބޭނުންވާ ކަންތައް، ތިކަމުގެ ހިތިރަހަ އަރުގައި ލީމާ ނާންނާތި މަގޭ ކައިރިއަށް، ހަމަތެދަށް މިބުނީ، އެދުވަހަކުން އަހަރެން މިންހާޖަށް ކަންތައްކޮށްދިނުން މުޅި އުމުރަށް ހުއްޓާލާނަން، މަށެއް ބޭނުމެއްނޫން ތިފަދަ އުޅުމެއް އުޅޭ މީހަކުގެ ފަރާތުން މަށަށް އެއްވެސް ކަމެއް ކުރިމަތިވާކަށް، ދެން ބާއްވަނީ، ކަލޯ ބަލައިގެން އުޅޭތި” ހާރޫނު ބުންޏެވެ.
“އިނާދު، ބައްޕަ އެބައުޅޭތަ” ޚަދީޖާ އާދައިގެ މަތިން އެގެއަށްގޮސް އުޅޭތީވެ ގޭގެ ދޮރުމަތީ ހުއްޓި އަހާލިއެވެ. އެއީ އޭނަގެ ތިމާގެ މީހެއްގެ ގެއެވެ.
“ނަމާދަށްދިޔަ ގޮތަށް އަދި ނާދޭ، ދައްތަ ވަންނަންވީނު އެތެރެއަށް، މަންމަ އެބައުޅޭ އެފަރާތުގައި” އިނާދު ހިތްހެޔޮ ކަމާއިއެކު ބުންޏެވެ. އިނާދުމެންގެ ޢާއިލާ އާއި ޚަދީޖާމެންނާ ތިމާގެކަން ފެށިފައިވަނީ އިނާދުގެ މަންމަ ފަރާތުންނެވެ. އިނާދުގެ ބައްޕައަކީ ކުރީގެ ރަށުގެ ކަތީބެވެ. އުމުރުން ފަސްދޮޅަހުން މައްޗަށް ދިއުމާއިއެކު މިހާރު ހުންނަނީ ސަރުކާރުން މުސްކުޅިކޮށްފައެވެ. އޭނާ އަކީ ރަށުގައި ކަންވެރިކަމަށް ނަންމަޝްހޫރު ފަރާތެކެވެ. ބޮޑުކަމެއް ކުރަން ބޭނުންވެއްޖެނަމަ ކޮންމެ މީހަކުވެސް އަންނަނީ އޭނާގެ ގާތަށެވެ.
“ދަރިފުޅު ނުކައިތަ ގެއަށްދަނީ” ދަލޭކަ އޭނާގެ ދަރިއަށް ބުންޏެވެ.
“ކުޑަމަންޖެ އުޅެނީ ފާޑަކަށް، ހުންވައްތަރުވާން އުޅޭހެން، ގޭގައި ޒުހުދާ އެކަންޏެންނު އިންނާނީ، މެންދުރު އައިގޮތަށް މިއުޅެނީ، ދެން މަސައްކަތް ކުރިއަށްގެންދެވޭނީ މާދަމާ އިރުހުއްޓަ، ދެންދަނީ މަންމާ، އިރާދަކުރެއްވިއްޔާ މާދަމާ އަންނާނަން” އިނާދު އެގެއިން ނުކުންނަން ހިނގައިގަތެވެ. ގޭގައި ވަޅެއްބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާތީ އެކަން ކުރަނީ އިނާދު އާއި އޭނާގެ ދެތިން ރަޙުމަތްތެރިން ވެގެންނެވެ. އިނާދަށް އޭނާގެ ބައްޕަގެ ގޮތް ރަނގަޅަށް އެނގެއެވެ. މީހަކާ އިނުމަށްފަހު ގެއިން ނުކުމެ ވަކިން ގެވަޅެއްނަގައިގެން ދިރިއުޅެން ފެށީވެސް އެހެންވެއެވެ. ގޭތެރެއިން ފެންނަނީ އޭނާމާގަޔާވާފަދަ މަންޒަރުތަކަކަށް ނުވާތީއެވެ.
ޚަދީޖާ ގޭތެރެއަށް ވަނުމާއިއެކު ދަލޭކަ ފެނިއްޖެއެވެ. އެކަކު އަނެކަކުގެ ޚާލު އޮޅުންފިލުވުމަށްފަހު ޢާއިލީ ވާހަކަ އާއިގެން ދެމީހުންވެސް ދިޔައީ ބަދިގެ ފަރާތަށެވެ. އޭރު ދަލޭކަ ކައްކަން ފަށާފައި ހުރި ބަތްޕެންކޮޅު އުނދުން މަތީގައި ހުއްޓެވެ. ކޮޕީފަތް އަޅައިގެން މޮޑެން ތައްޔާރުކޮށްފައި ހުރި މަސްހުނި ތައްޓެއްވެސް ކާގޭ މޭޒުމަތީގައި ހުއްޓެވެ. ދަލޭކަ ތައްޔާރު އެވަނީ ރޭގަނޑުގެ ކެއުމަށްކަން ޔަގީނެވެ. އާދަމްފުޅަކީ ކޮންމެ ކޮންމެ އެއްޗެއް ކާމީހެއްނޫނެވެ. އެހެންވެ ތައްޔާރު ކުރަން ޖެހެނީ އެފަދަ ކޮންމެވެސް ލުއި އެއްޗެކެވެ.
އާދަމްފުޅު މިސްކިތުން ފައިބައިގެން އައީ މިސްކިތު ވަޅުން ކުޑަފުޅިއަކަށް ފެންއަޅައިގެންނެވެ. އެގެނައިގޮތަށް ބޮޑުއަށިދަށަށް ލާފައި ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ދެލޭކަ އާއިއެކު އިތުރު މީހެއްގެ އަޑު ބަދިގެ ތެރޭން އިވުމުން އާދަމްފުޅަށް އެއީ ކާކުގެ އަޑެއްކަން ވަކިކުރަން އުނދަގުލެއްނުވިއެވެ.
“ޚަދީޖާ، މިރޭ ހާދަހާ އަވަހަކަށް އައިސް ތިއުޅެނީ، ކޮބާ އިބްރާހީމު” އާދަމްފުޅު ކާގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
“އާދަމްފުޅުބެއަށް ސިއްރުން މިގެއަކަށް މީހަކަށް ނުވަދެވޭނެ، ނޭނގޭނެ ކަމަކަށް” ސަމާސާ ރާގެއްގައި ޚަދީޖާ ބުންޏެވެ. އަދި އާދަމްފުޅު ކުރި ސުވާލަށް ޖަވާބެއް ދިނެވެ. ގޭގައި އެދެމަފިރިންގެ އިތުރުން އެހެން މީހަކު ނޫޅެއެވެ. ދަލޭކައަކީ އާދަމްފުޅު ކުރާ ކަންތައްތަކާ އެއްވެސް ވަރަކަށް ބެހިހަދާ މީހެއްނޫނެވެ. އޭނާގެ ފިރިމީހާ ކައިރިއަށް ކަންތަކު އަންނަ މީހުން އެއަންނަނީ ކޮންކަމަކުތޯވެސް އޭނާ އަހާނުލާނެއެވެ. އެހެންވެ ޚަދީޖާ އޭނާގެ ފިރިމީހާ ކައިރިން ބޭނުންވަނީ ކޮންކަމެއްތޯވެސް އަހަން ދަލޭކަ ބޭނުން ނުވީއެވެ. އެހެން އަންނަ މީހުން ގޮވައިގެން އާދަމްފުޅު އިންނާނީ ބޮޑުއަށިމަތީގައެވެ. އެހެންނަމަވެސް އެގޭގައި އޭނާއަށް ވަކި ކޮޓަރިއެއް ހުރެއެވެ. އާދަމްފުޅު ގެންގުޅޭ ހުރިހާ ފޮތްބޮނޑިތަކާއި އެކަމަށް ބޭނުންވާ ސާމާނުތައް ބަހައްޓާފައި ހުންނަނީ އެކޮޓަރީގައެވެ. ބައެއް ރޭ ރޭ އާދަމްފުޅު ނިދާ ހަދާނީވެސް އެކޮޓަރިތެރޭގައެވެ.
ރޭގަނޑުގެ ކެއުމުގައި އެދެމަފިރިންނާއިއެކު ޚަދީޖާވެސް ބައިވެރިވިއެވެ. ކައިނިމިގެން ތިންމީހުން ބޭރުގެ ތެރޭގައި ވަރަށް ގިނައިރުވަންދެން ވާހަކައިގައި ތިބެފައި އެތަނުން ތެދުވެ ހިނގައިގަތީ ހަމައެކަނި ދަލޭކައެވެ. އޭނާ ދިޔައީ ބަދީގޭގައި ހުރި އެއްޗެހި ހޫނުކޮށް ތެލިތަކުގައި ރަނގަޅަށް މަތިޖަހާ ބަދިގޭ ބޮކި ނިވާލާށެވެ.
އާދަމްފުޅު ޚަދީޖާ ގާތުން އެހީ ހަފްތާއެއްވަންދެން ކުރަމުން އައިކަންތައް ނިންމާލީ ރަނގަޅަށްތޯއެވެ. އެކަމާ ޚަދީޖާ ބޯޖަހާލިއެވެ. އަދި އޭނާ ބޭނުންވާ އެހެންކަމެއްގެ ވާހަކަ އާދަމްފުޅު ގާތު ބުންޏެވެ.
“ތީވަރަށް ބޮޑުކަމެއް، އެކަމަކު ކޮއްކޮއަށް ތިކަންވެސް ކޮށްދީފާނަން، ޖެހޭނީ ތިކުއްޖަކު ބޭރަށްދައްކަން، އޭރުން އެނިމުނީ، އޭގެ ފަހުން އަހަރުމެން ޖެހޭނީ ބަލަންތިބެން، ނަމާ އުމުރާ އެނގޭތަ” އާދަމްފުޅު އެހިއެވެ.
“އާން، މިއޮތީ، މިއައީ ކަރުދާސްކޮޅެއްގައި ލިޔެލައިގެން، އަހަރުމެންގޭ އެއްވެސް ކުއްޖަކަށް ކިޔެވޭގޮތެއްނުވޭ އެއްގޮތަކަށްވެސް، މިހާރު ކިޔަވައިނިމިގެން ތިބިދެބެންނަށްވެސް ރަނގަޅު ވަޒީފާއެއްވެސް ނުލިބުނު، އަނެއްކާ އަތްމަތިވެސް މިހާރަކަށް އައިސް ދަތީ” ޚަދީޖާ ފަތްޗަކަށް އެއްކަމަކަށްފަހު އަނެއްކަމެއް އަމުނަމުން ދިޔައެވެ. އާދަމްފުޅު ބޯޖަހާލަ ޖަހާލަ އިނެވެ. ޚަދީޖާ ދައްކާ ވާހަކަ ނިމުމުން އޭނާ ބުނީ މިރޭ ގޭދޮށަށް ދެން ދިއުމަށެވެ. ބޮޑަށް ރަނގަޅީ ރޭގައި އައިނަމައޭވެސް އާދަމްފުޅު ބުންޏެވެ. އަދި މިރޭ ތިނެއްޖަހާކަން ހާއިރު ޚަދީޖާގެ ފިރި އިބްރާހީމު އެގޭދޮށަށް ފޮނުވުމަށްވެސް ބުންޏެވެ.
“އިބްރާހީމު ނޭނގެ އެގަޑީގަ އަންނާނެކަމެއް، އެހެންމީހަކު ފޮނުވަންތަ” ޚަދީޖާ މިހެންބުނީ އިބްރާހީމަކީ ވަރަށް ބިރުގަންނަ މީހަކަށްވާތީއެވެ. މަހުން އައިސް އެކަނޑާފައި ހުންނަ ކަރުގޮހޮރުތައްވެސް ގޭގައި ހެނދުނުވަންދެން ބައްހައްޓާފައި ހުންނަނީ ރޭގަނޑު އުކާލަންދާން ނުކެރޭތީއެވެ.
“ޚަދީޖާ އަންހެނަކަށްވީމަ އެގަޑީގަ އެފަދަ އެއްޗެއް ބަލާއައުން އެހާ ރަނގަޅެއް ނުވާނެ، މިހުންނަނީ އެންމެނަށް އެނގިގެން ކުރާކަހަލަ ކަންތައްތަކެއްނޫން، އެހެންވީމަ ދެން އެންމެ އިތުބާރު ހިފޭ މީހަކަށް ހުންނާނީ އިބްރާހީމެންނު، އެހެންވެ މިބުނީ އޭނާ ފޮނުވާށޭ، ދެން އޭނާއަށް އާދެވެން ނެތިއްޔާ އެންމެ ރަނގަޅު އެހެން މީހަކު ފޮނުވިޔަސް، އެކަމަކު ބުނަން، އައިސް ގޭތެރެއަށް ނުވަންނާށޭ އެމީހަކު ގާތު ބުނާތި، އަހަރެން އެގަޑީގައި ފެންފުޅި ހިފައިގެން ގޭދޮރުމަތީގައި ހުންނާނީ” އާދަމްފުޅު އޭނާ ބޭނުންވާގޮތް ކިޔާދިނެވެ.
އެހެން ރޭ ރެއަށްވުރެ ކުރިން ދާރާ މިރޭ ކޮޓަރިއަށްވަނެވެ. ހެނދުނުންފެށިގެން ދާރާ ހިތްހަމަނުޖެހިފައި ހުރިވަރުން އަންބަރާއި މާގިނަ ވާހަކައެއް ނުދައްކައެވެ. ބަލްމާ އާއި ފޯނުން ވާހަކަދެއްކިއިރު އޭނާ ހުރީ ކުރިއާއި ހިލާފަށް ވަރަށް ހަމަޖެހިލާފައިކަން އެނގުމުން އަދިވަކިން ދަރާ ކަންބޮޑުވާގޮތްވިއެވެ. ދާރާގެ ހިތަށް ބަލްމާ އާއި ގުޅިގެން އަރަންފެށީ ރަނގަޅު ޚިޔާލުތަކެއް ނޫނެވެ. އޭރު ބަތީލު ކޮޓަރިތެރޭ ފޯނުގައި ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“މުނީބު، އަހަރެންގެ ބައްޕައަށް ގުޅާފަ ބުނަންތަ ލޯންޗެއް މިކޮޅަށް ފޮނުވަދޭށޭ” ޒީނިޔާ އެރަށުން ފުރަން ބޭނުންވެފައި ހުރިވަރުން ބުންޏެވެ.
“މަގޭ ލޯބިވާ އަންބިމީހާ، އާދެބަލަ މިތާ އިށިންނަން، އަހަރެންވެސް މިރަށުން ދާން ބޭނުންވެފަ މިހިރީ، އެކަމަކު މިހާރު މިތިބީ އަހަރެންގެ މައިންބަފައިން ގާތަށް އާދެވިފަ، ބައްޕަވެސް ކުރާނެކަމެއް ނޫންދޯ ފުރުން ލަސްވުމަކީ، މަންމަވެސް އެހުންނަނީ ބައްޕަދެކެ ހިތްހަމަނުޖެހިފަ، މިފަދަ ވަގުތެއްގައި ޒީ ތިހެން ކަންތައްކޮށްފިއްޔާ ބައްޕަ ވަކިން ދެރަވާނެ، ހަވީރުވެސް ބައްޕަ ދޯނި ދޮށަށް ދިޔައީ އަހަރެންވެސް ގޮވައިގެން، އަހަންނަށް އެނގޭ މަންމަ ޤަބޫލު ނުކުރާތީކަން މިއަދު އަހަރެން ގޮވައިގެންވެސް ދޯނީގެ ޚަބަރު ބަލަން ބައްޕަ އެދިޔައީ، ސޯ ޕްލީޒް، އަދި ތިފަދަކަމާ ނޫޅެ މަޑުކޮށްލާ، އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއްނުވެ ވަރަށް އަވަހަށް އަހަރުމެންނަށް މިރަށުން ފުރިދާނެ” މުނީބު ބުންޏެވެ.
ރޭވެގެން އައިއިރު އެހެން ރޭރެއެކޭ އެއްގޮތަށް މިރޭވެސް ވަގުތު ޖެހުމާއިއެކު ބަލްމާގެ ހެޔަށްގޮތްވެ މީހާ ތެޅެންފެށިއެވެ. އެންމެންވެގެން ހިފަހައްޓައިގަނެގެން ހާރޫނު ކިޔަވަން ބުނި އެއްޗެހި ކިޔެވުމުން އަނެއްކާވެސް ރަނގަޅުވެއްޖެއެވެ. އެކަމަކު މިއީ އަދި ޚަލެއް ނޫންކަމުގައި ދިނާރަށް ވިސްނެއެވެ. އަނެއްކޮޅުން ބަލްމާގެ ފަރާތުން ބުނެދޭން ނޭނގޭ ކަންތައްތަކެއް ދިނާރަށް ފާހަގަ ކުރެވުނެވެ.
ބަލްމާއަށް ހާރޫން ލައްވާ ކަންތައް ކުރާތާ ހަތަރުވަރަކަށް ދުވަސްވީއިރުވެސް އެއްވެސް ބަދަލެއް ނާދެއެވެ. ގިނަފަހަރަށް ބަލްމާ އޭނާގެ އަމިއްލަ ވިސްނުމުން ބޭރުގައި ހުންނަހެންވެސް ހީވެއެވެ. ދިނާރު ފެނުނަސް ފޫހިވުމާ އޭނާ އާއި ވާހަކަދައްކަން ބޭނުންނުވުމާއި، އަވަހަށް ދިނާރު އެގެއިން ފޮނުވާލަން ބޭނުންވެގެން ބަލްމާ އުޅޭކަން ޚުދު އޭނާއަށްވެސް ފާހަގަވެއްޖެއެވެ. އެއްގޮތަކަށްވެސް މިވަނީ ކިހިނެއްކަމެއް ދިނާރަކަށް ނޭނގެއެވެ. އޭނާއަށްވިސްނޭ ގޮތާއި ހަޤީޤަތާއި މުޅިން ތަފާތެވެ. މިންހާޖު ކުރިއަށްވުރެ ބަލްމާ މެންގެއަށް ގަދަކޮށްލައިފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ ފުރަން އުޅުނު އަންބަރުގެ ޢާއިލާއަށް ފުރޭގޮތް މެދުވެރިވީ ހޯމަވިލޭރޭގައެވެ. ރޭގަނޑުގެ ކެއުން ކާސީމާއި ފާތުމަގެ ދެމަފިރިންގެ ގެއިން ނިންމާލުމަށްފަހު ފޮށިތައް ހިފައިގެން އެންމެން އެކުގައި ހެން ދޯނި ދޮށަށް ދިޔައެވެ. އެމީހުން ފުރުވަން ޚަދީޖާވެސް އެތަނަށް ދިޔައެވެ. އަދި އަންބަރުގެ ބައެއް ތިމާގެ މީހުންނާވެސް އެތަނުން ދިމާވިއެވެ. ދޯންޏަށް އެރިފަހުންވެސް ދާރާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައީ ދޯނީގެ އިންޖީނު ސްޓަރޓް ނުވެގެން އުޅުމުންނެވެ. ދޯނިން ފައިބައިގެން އެނބުރި ފާތުމަމެންގެއަށް ދާކަށް ދާރާ ބޭނުމެއްނޫނެވެ. އެތަށް އިރަކު ދޯނީގެ ފަޅުވެރިން އިންޖީނުގެ މަސައްކަތުގައި އުޅުނެވެ. އަންބަރު އެތަށްފަހަރަކު ދޯނިން ފައިބާ އަތިރިމަތީ މަޑުކޮށްލުމަށް އެދުމުންވެސް ދާރާ އިނީ ގަދަ ހަދާފައި ނުފައިބާށެވެ.
“މަށެއް ނުފައިބާނަން، މި ދޯނިން ފައިބައިފިއްޔާ ދެން ނޭނގެ ފުރޭނީ ކޮންދުވަހަކުންކަމެއްވެސް، ހުރިހާ ކަމެއް ރަނގަޅުވެގެން ފުރަން ތައްޔާރުވެފަ އޮތްއިރު، ކީއްވެތަ ކުއްލިއަކަށް މައްސަލަޖެހެންވީ، ބައެއްފަހަރު މަށަށް ހީވޭ އަހަރުމެން މިރަށުން ގޮސްދާނެތީ ދިމާވާ ކަންތައްތަކޭ މިހުންނަނީ” ދާރާ ދޯނީގައި ކަނޑާފައި ހުރި ކުޑަދޮރެއް ކައިރިއަށް ޖެހިލަމުން ބުންޏެވެ. އަންބަރު އެއްވެސް އެއްޗެއް ނުބުނެ ދެފަރާތަށް ބޯހޫރާލާފައި ދާރާ އާއި ކުދިންގެ ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.
ނުވައެއް ޖަހަނިކޮށް ދޯންޏަށް މީހުން އެރުމަށްފަހު، ދިމާވި މައްސަލަ އާއި ގުޅިގެން ބައެއްމީހުން އޭގެން ފައިބައިގެން ދިޔައެވެ. މިރޭ ފުރޭނެ ކަމުގެ އުންމީދެއް ނެތީމައެވެ. ދާރާގެ ޢާއިލާއަށްވެސް ޖެހުނީ އެންމެފަހުން އެހެން ހަދާށެވެ. އެހެންނަމަވެސް ދާރާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައީ މެންދަމުން އަލިވެ ދޭއްޖަހާ ދިޔަފަހުން އަންބަރަށް އައި ފޯނުކޯލުންނެވެ. ދޯނީގެ އިންޖީނު ހެދި މިރޭ ފުރާނަމަ ދޯނި ދޮށަށް އައުމަށް ބުނީމައެވެ. ނުނިދިފައި އޮތް ދާރާއަށް މި ޚަބަރުވެގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.
ހެނދުނު ހައެއް ޖަހަންވިއިރު އަންބަރުގެ ޢާއިލާ ތިބީ ދާރާމެންގެ ރަށުގައެވެ. ބަތީލު ދޯނި މަތީގައި މިންހާޖަށް ރަށަށް އަންނަ ކަމުގެ ޚަބަރުވަނީ ދީފައެވެ. އަދި ރަށަށް އެރުމާއިއެކު ބަތީލު އޭނާގެ ދައްތަ ބަލްމާއަށް ގުޅިއެވެ. އެކަން އެނގުމާއިއެކު ބަލްމާ އަވަސްވެގަތީ ގޭގައި ތިބި އޭނާގެ ރަޙުމަތްތެރިން ގެއިން ނެރުމަށެވެ. އޭނާގެ މަންމަ އަންނައިރު ގޭތެރޭގައި ތިބި އޭނާގެ ރަޙުމަތްތެރިން ފެނިއްޖެނަމަ ކަންތައްތައް ވަރަށް ގޯސްވާނެކަން އެނގޭތީއެވެ.
“ބަލްމާ، ހޭލާތަ ދަރިފުޅު، ކިހިނެއް އެނގުނީ މަންމަމެން އަންނަކަން، ރޭގަ ވަރަށް ދަންވިފަހުން ފުރޭގޮތްވީ އެހެންވެ މަންމަ ހީކުރީ ދަރިފުޅު އޮންނާނީ ނިދާފައޭ އެގަޑީގަ ނުގުޅީވެސް އެހެންވެ” ދާރާ ގޭތެރެއަށް ވަންނަމުން ބުންޏެވެ.
“ބައްތު ހެނދުނު ގުޅައިފި ދޯނި ރަށާ ކައިރިކުރިތަނާ، އެހެންވެ އެނގުނީ އަންނަކަން” ބަލްމާ ހިނިއައިސްފައި ބުންޏެވެ. މަންމަ ފެނުމުން ބަލްމާގެ ހިތަށް ލިބިގެން ދިޔަ ހިތްހަމަޖެހުން އޭނާގެ ހިނިތުންވުމުން ފެނަންހުއްޓެވެ. ތަފާތު ހިމާޔަތްތެރިކަމެއް މިހާރުވެސް ލިބިގެން ހިނގައްޖެހެން ބަލްމާއަށް އިޙްސާސް ކުރެވިގެން ދިޔައެވެ.
“ދަރިފުޅަށާ ބިންޏާއަށް ފާތުމަ އެބަހުރި ހަދިޔާ ދަޅެއް ފޮނުވާފަ” ދާރާ ގޭތެރެއަށް ވަދެ ހަމަޖެހުމުގެ ނޭވާއެއް ލާފައި ބުންޏެވެ. އަދި ކުޑަދޮރާ ދިމާލަށް ގޮސް ދޮރުފޮތިތަށް ދެފަރާތަށް ކަހާލާ އޭނާގެ ގޭތެރޭގެ މަސައްކަތަށް އެނބުރިގަނެއްޖެއެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރެ ދާރާ ވާހަކަދެއްކީ އަންބަރާއިއެވެ.
“އަންބަރު، ބަލާބަލަ ޕެޝަންފުރުޓު ވެޔޮގަނޑު، ހުރިހާ ގަސްތަކެއް ހީވަނީ ވަރަށް ރަނގަޅުވެފައި ހުރިހެން، ވަރަށް ފެހިވެއްޖެ ދޯ ގޯތިތެރެ، ފިނިފެންމާ ގަހާ ކަނީރުމާ ގަހާ، ބަލާ އެހަރަ ކުދިކުދި މަލިކުރުވާމާ ގަސްތައްވެސް، މާގަސްތަކުގަ މާތަށް ފުރިފަ، މިއިން ދުވަހަކު މިހާ ރީތި ނުވޭ އަދި” ދާރާ ހައިރާންވެފައި ހުރެ ބުންޏެވެ.
“ބިންޏާ ގަސްތައް ބަލަހައްޓާދިންލެއް ރަނގަޅުކަމެންނު ތިފެންނަނީ” އަންބަރުވެސް ހިނިއައިސްފައި ހުރެ ބުންޏެވެ.
ކުޑަދޮރުގެ ދޮރުފޮތިތައް އެއްކޮށްހެން ދެފަރާތަށް ކަހާލާފައި ހުރުމުން އެކަމުގެ އުނދަގޫ ބަލްމާއަށް ވިއެވެ. އެހެންނަމަވެސް ގޭތެރޭގައި އޭނާގެ ޢާއިލާ އުޅޭތީ އެކަމާ ހިތްހަމަޖައްސާލައިގެން ހުރީއެވެ. ޒީނިޔާގެ އަތުތެރޭގައި އިން އަޒްކާ ފެނުމުން އެކުއްޖާ އުރާލާހިތް ބަލްމާވިއެވެ. ނަމަވެސް އެހެން ކަންތައްކުރާކަށް އޭނާއަކަށް ނުކެރުނެވެ. މުނީބު، ބަލްމާގެ ހާލު އޮޅުން ފިލުވިއެވެ.
“ހާދަ ތަފާތޭ ބަލްމާ، ހީވަނީ ހިކިއްޖެހެން، ލޮލުން ހީވަނީ ރަނގަޅަށް ނުނިދާ ހުރިހެން، މަންމަ ނެތީމަ ދޯ” މުނީބަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ވާހަކަ ބުންޏެވެ. އަދި ޒީނިޔާ އާއިއެކު ގޮސް ކޮޓަރިއަށް ވަނެވެ. ގޭތެރޭގައި އުޅުނު ދާރާއަށްވެސް މުނީބުގެ ވާހަކަ އަޑުއިވުމުން އެކަންތައްތައް ބަލްމާގެ ހަށިގަނޑުން ފާހަގަވިއެވެ. އޭގެ އިތުރުން ބަލްމާ ލާފައި ހުރީ ދިގު ހަރުވާޅަކާއި އަތްދިގު ޓީޝާޓުކޮޅެކެވެ. އެކަމާވެސް އޭނާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. ގޭތެރޭގައި އުޅޭއިރު އަބަދުހެން ސޯޓު ލައިގެން އުޅެން އާދެވެފައި ހުރި ބަލްމާ ނިވާކަން ބޮޑު ހެދުމެއް ލާފައި ހުރުމުން އެކަމާ ހިތްހަމަ ޖެހުނެވެ.
“ކައްކަން ނޭނގެންޏާ އެހެންނުވާނީ، ހިކޭނެ އެންނު، ހިނގާ އަވަހަށް ސައިބޯން އުޅެމާ، ކޯއްޗެއް ހަދާނީ ސަޔަށް” ދާރާ ބަލްމާ އާއި ބަތީލަށް ބަލާލަމުން ބުންޏެވެ.
“ސޭންޑްވިޗް، ކޮންމެ ދުވަހަކު ރޮއްޓާ ރިހަޔާ ނޫނީ ރޮއްޓާ މަސްހުންޏާ ކައިކައި ފޫހިވެއްޖެ” ބަތީލު އަވަހަށް އޭނާގެ ދައްތައަށްވުރެ ކުރިން ބުންޏެވެ.
“މަށަށް އޯކޭ ކޮންމެ އެއްޗެއްވިޔަސް” ބަލްމާ ފަރުވާކުޑަގޮތަކަށް ބުންޏެވެ.
ބަތީލު ފެންވަރާލުމަށް އައިސް އޭނާގެ ކޮޓަރީގައި ހުރި ފާޚާނާއަށްވަނީ މުޅި ގައިގާ ދޯނީގެ ވަސް ހިފައިފައި ހުރިހެން ހީވާތީއެވެ. އޭރު އޭނާ އާއިއެކު ކޮޓަރިއަށް ވަންގޮތަށް ބަލްމާވެސް އެކޮޓަރީގައި އިނެވެ. އޭނާ ކޮމްޕިއުޓާރ ކައިރީ އިށީނދެ ފޭސްބުކްއަށް ވަދެ މިންހާޖުގެ އެކައުންޓުގައި ހުރި ފޮޓޯތައް ބަލަމުން ދިޔައީ ވަރަށް ޝައުގުވެރިކަމާއިއެކުއެވެ. ކީއްވެކަމެއް ނޭނގެއެވެ. ބަލްމާ، މިންހާޖު މަތިން ވަރަށް ހަނދާންވަނީއެވެ. ބޭނުންވަނީ އޭނާ އާއި ގާތުގައި ހުންނާށެވެ. މިންހާޖާއިމެދު ދެކެވެނީ ވަރަށްވެސް ގާތްކޮށްކަން އެނގޭއިރު، ބަލްމާއަށް މިންހާޖަކީ އޭނާގެ ކޮއްކޮ އެންމެ ލޯބިވާ މީހާކަންވެސް އެނގެއެވެ. އެހެންނަމަވެސް އޭނާގެ އިޙްސާސްތައް ކޮންޓްރޯލު ކުރާނެހާ ބާރެއް ބަލްމާއަކަށް ލިބިގެނެއްނުވެއެވެ.
“ތިދެމީހުން އޯކޭ ވިއްޔޭ މިންހާޖު ބުނި، އަސްލު އަދިވެސް އޯކޭއެއްނޫންދޯ” ފެންވަރައިގެން ނުކުން ބަތީލަށް ކޮމްޕިއުޓަރ ކައިރީ އިން ބަލްމާ، މިންހާޖުގެ ފޮޓޯތައް ބަލާތަން ފެނި ބުންޏެވެ.
“ނޫން، ވީ އަރ މޯ ދެން އޯކޭ ނައު، ޔޫ އަރ ލަކީ ޓު ހޭވް ހިމް” ބަލްމާ މާންފުން ގޮތަކަށް ކުރިމަތިން ފެންނަމުން ދިޔަ ފޮޓޯއަށް ގެއްލި އިނދެ ބުންޏެވެ.
“މިރޭ އެންމެން އެކުގައި ބޭރަށް ދާންވާނެ ދޯ، ޑޫމްއަށް ކޮފީއަކަށް ނާރާތާވެސް މިހާރު ކޮންދުވަހެއް، ހީވަނީ ގަރުނެއްވެފައި ރަށަށް އާދެވުނުހެން، އަހަރެން ދެން ދުވަހަކުވެސް ނުދާނަން އެރަށަކަށް، ވިއާރޑް އައިލެންޑެއް އެއީ، ހުސް ފޫހި ކަންތަކާ އެރަށުން ދިމާވީ، އޭތް ބެލް، ސީރިއަސްކޮށް ވަރަށް ހިއްކާލައިފި، ޔޫ ޑަޔަޓްގަތަ، އެކަމަކު މިހާރު ހީވަނީ ބަލިމީހެއްހެން، ކުރިންވެސް ފަލައެއް ނޫނޭ، ދެންކީއްކުރަން ތިވަރަށް ހިކެނީ، ދިނާރު ބުނީ ދޯ، ކޮބާތަ އޭނަ، ބުނިންތަ އަހަރުމެން އައި ވާހަކަ” ބަތީލު ރީތިވަމުން ބަލްމާ އާއި ވާހަކަދެއްކިއެވެ.
“އަދި ނޭނގެ މިރޭ ދާނެކަމެއް، އަހަރެން އެކަނިވީމަ އެންމެން އައިސް ތިބެނީ މިގޭގަ، ރޭގަވެސް މިގޭގަ ތިބީ، ބައްތު ގުޅީމަ އެމީހުން އަވަހަށް ފޮނުވާލީ، މަންމައަށް އެނގިއްޖެއްޔާ ވާނެގޮތް އެނގެއެންނު، ދެން ދިނާރުގެ ވާހަކަ ނާހާ، ބައްތޫ، އެނގޭތަ، އަހަރެން މިހާރު އެހާ ލައިކެއް ނުވޭ ދިނާރު ދެކެ، ކީއްވެކަމެއް ނޭނގޭ، އޭނާ ގޯހެއްވެސް ނޫން، އެކަމަކު ހަމަ ލައިކް ނުވަނީ، ހިތަށް އަރަނީ މިހެނެއް ނޫޅެވޭނެޔޭ، ބްރޭކްއަޕް ވާންވެސް އެބަ ހިތަށްއަރާ” ބަލްމާ ވަރަށް ވިސްނަން އިނދެފައި ބުންޏެވެ.
“ބްރޭކްއަޕް ވާށޭ، ބެލް ހާދަ މޫޑީވެގެން ތިއުޅެނީ، ކިހިނެއްވީ، ތިދެމީހުން ކިހާ ކޫލްކޮށް އުޅުނީ، މައްސަލައެއް ޖެހުނީތަ، ކިޔާދީބަލަ” ބަތީލަށް ޤަބޫލު ނުކުރެވިގެން އެހިއެވެ.
“އޭތް، ބެލް، އެއްޗެއް ބުނެބަލަ، ވެގެން އުޅޭގޮތެއް ކިޔާދީބަލަ” ބަލްމާ އެއްޗެއް ނުބުނެ އިންނަންފެމުން ބަތީލު އަނެއްކާވެސް އެހިއެވެ. ދެންވެސް އެއްޗެއް ނުބުނެ ބަލްމާ އިނުމުން، ބަތީލު އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން އަނެއްކާވެސް ސުވާލު ކުރިއެވެ.
“ދެން ނޭނގެ ކިޔާދޭކަށް، އެންމެން ނެތީމަ މިކޮޅުވެސް ވަރަށް ފޫހި، ހިނގާ ސައިބޯން ދަމާ” ބަލްމާ ބޭނުންވީ ވާހަކަ ބަދަލުކޮށްލާށެވެ.
މުޅިގޭތެރޭއަށްވަނީ ހަލަބޮލިކަން ވެރިވެފައެވެ. ޢާއިލާގެ އެކި މެންބަރުން އެކި ކަންތައްތަކައިގެން އުޅެމުންދިޔައިރު ބަލްމާ އާއި ބަތީލު އެކަކު އަނެކަކާ ދުރަށްވެސް ނުދެއެވެ. ބައެއްފަހަރު އެއީ އެއްމާބަނޑު ދެބެން ހެންވެސް ހީވެއެވެ. އެކަމަކު ދެކުދިންނަކީވެސް ވަރަށް ތަފާތު މިޒާޖެއްގެ ދެކުދިންނެވެ. ވައްތަރުވަނީ ދެކުދިންގެ ހަމުގެ ކުލަ ދޮންވީމައެވެ. އެކަކުގެ ފަން އިސްތަށިގަނޑެއް އޮތް އިރު އަނެކަކުގެ އޮތީ ބުޅި އިސްތަށިގަނޑެކެވެ.
“ބިންޏާއަށް ގުޅާލައިފިންތަ” ފޮށީގައި ހުރި އެއްޗެހި ނަގަމުން ދާރާ އަންބަރުގެ ގާތުގައި އަހާލިއެވެ.
“ހެނދުނު ގުޅިފަހަކުން އަދި ނުގުޅަން، އެމަންޖެ ގުޅީތަ” އަންބަރު އަހާލިއެވެ. ދާރާ ނޫނޭކޭ ބުނުމުން އަންބަރު ގެންގުޅޭ އަތަރު ފުޅިން އިނގިލި ކުރީގައި އަތަރުކޮޅެއް ހާކާލައިގެން އޭނާ ނުކުތީ މިސްކިތަށް ދާށެވެ. މެންދުރު ނަމާދަށް ދިއުމަށެވެ. ދާރާ ގޭތެރޭގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް މަސައްކަތްކުރަމުން ދިޔައެވެ. ދާވެފައި ހުރި ހުރިހާ އެއްޗެއް ވަގުތުން ދޮންނަން ތައްޔާރު ކޮށްލިއެވެ. މިއަދު ގޭގައި ކާން ތައްޔާރު ކުރީވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭ ޒާތުގެ ކާއެއްޗިއްސެވެ.
ނެގިމަޑުވެފައި އިންހެން ބަލްމާ ސޯފާގައި އިނެވެ. ހަމަ އެސޯފާގެ އެއްފަރާތެއްގައި ބަތީލު ފޯނުގައި އިނެވެ. އޭނާ ދައްކާ ވާހަކަތަކުން، އެ ވާހަކަދައްކަނީ މިންހާޖާކަން ބަލްމާއަށްވެސް އެނގުނެވެ. އެހެންނަމަވެސް އޭނާއަށް ވިސްނެނީ ހަމަ އެންމެ ކަމަކާއެވެ. މަންމަމެން އައުމުން އޭނާގެ ރަޙުމަތްތެރިންނާ ދިމާ ނުވާނެތީއެވެ. އަނެއްކޮޅުން އޭނާއަށް ދިމާވެގެން އުޅޭކަންތައް މަންމަމެނަށް އެނގިއްޖެއްޔާ ދެންވާނީ ކިހިނެއްކަމާއިމެދުއެވެ. ހާރޫން ބުނެފައި އޮތީ ގޭން ބޭރަށް ނުނިކުމެ އެހަށް މަޑުކުރުމަށެވެ. ބަތީލު ގާތު ހުރިހާ ވާހަކައެއް ކިޔާދީފިނަމަ އޭނާ ބަލްމާދެކެ ބިރުގެންފާނެތީ އެކަމާވެސް ކަންބޮޑުވެއެވެ. އަމިއްލަ ހަށިގަނޑަށް ބަލްމާއަށް ބަލާލެވުނެވެ.
“އަހަރެން އަބަދު ހުންނަނީ ބަނޑުހައިވެފަ، ކިތަންމެ ވަރަކަށް ކެޔަސް ބަނޑެއް ނުފުރޭ، ހިތްވަރަށް ގަދަކަމުން ކެއުން ކޮންޓްރޯލް ކޮށްގެން މިއުޅެނީ، ދެން ކީއްވެ އެހާ ހިކެންވީ، އެންމެން އެބުނާ ހާ އަހަރެން ހިކިތަ، މިހާރު އަހަރެންގެ ސިފަ ހުތުރީތަ، ކީއްވެ އަހަންނަށް އެކަން ފާހަގަ ނުވާންވީ، އަނެއްކާ އެހެން މީހުންނަށް އަހަރެން ފެންނަނީ ތަފާތު ގޮތަކަށް ހުއްޓަތަ” ބަލްމާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރިގަތެވެ.
ދިނާރު ބަލްމާގެ ފޯނަށް ގުޅީ ޚިޔާލުތަކުގެ ތެރެއަށް އޭނާ ގެއްލިފައި އިންދައެވެ. ސިހިފައި ފޯނު ބަލާލުމާއިއެކު، ގުޅަކީ ދިނާރުކަން އެނގުމުން ބަލްމާގެ މޫނުމަތިން ވަގުތުން ފޫހިކަމުގެ ކުލަވަރުތައް ފެނިގެންދިޔައެވެ. ތުންފަތަށާއި މޫނަށް ވައްތަރުތައް ޖައްސަމުން ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އެއަށް ބަލަހައްޓައިގެން އިނެވެ. ނަގަންވީބާއޭ ނޫނީ އަޅާނުލާ އިންނާނީބާއޭ ހިތާ، ދެޚިޔާލެއްގައެވެ. ގޮތެއް ނުނިންމިގެން އުޅެނިކޮށް ފޯނު ކޯލު ކެނޑިއްޖެއެވެ. ހަމައެގޮތަށް ދިނާރު ދެތިން ފަހަރު ގުޅިއިރުވެސް ބަލްމާ ފޯނެއް ނުނެގިއެވެ. ދެން އޭނާގެ ސަމާލުކަން ދިޔައީ ބަތީލަށެވެ.
“މިރޭ ބޭރަށް ދަނީތަ” ފޯނުން ވާހަކަދައްކާ ނިމުނު ބަތީލަށް، ބަލްމާ ބުނެލިއެވެ.
“ޔެސް، މިންހާޖާއިއެކު ޑޭޓަކަށް، ކިހާ ދުވަހެއްފަހުން މިދިމާވީ، އަނެއްކާ ބެލް ތިއިނީ ތަނަކަށް ދާކަހަލަ މޫޑެއްގައެއް ނޫންވިއްޔާ، އެހެންވެ ހިތަށް އެރީ މިރޭ މިންހާޖާއިއެކު ޑޭޓަކަށޭ ދާނީ، ބެލް، މިއަދު ޑިއުޓީއަށް ދާން އޮތީ ކޮންއިރަކުން” ބަތީލު ސޯފާއަށް ދެފައި އަރުވާ ވަށްކޮށްލަމުން އަހާލިއެވެ.
“ޑިއުޓީއަކަށް ނުދަން، އެތަނުން ކެނޑެން މިއުޅެނީ، މަންމަމެން ނެތީމަ ރޭގަނޑު ޑިއުޓީ ހަދަން އަހަރެން ބޭނުންނުވީ، ޗުއްޓީއެއްވެސް ނުދިން” ބަލްމާ ބުންޏެވެ.
“ދެން އެކަމަކު، އޭރުން ކިހިނެއްވާނީ” ބަތީލު ވަރަށް ހައިރާންވެފައި އެހިއެވެ. ގެއަށް އައިސްސުރެން ބަތީލަށް ފާހަގަ ކުރެވެނީ ބަލްމާއަށް ބަދަލުތަކެއް އައިސްފިކަމެވެ. ފުރަތަމަ ހީކުރެވުނީ ދިނާރުގެ ސަބަބުންކަމަށެވެ. ދިނާރާއި ވަކިވާނެ ގޮތެއް ނޭނގިގެން ބަލްމާ އެކަމާ ފިކުރު ކުރަނީ ކަމުގައެވެ. ވަކި އެހެނެއްވެސް ނުވިއެވެ. ބަލްމާ ޑިއުޓީއަށް ދިއުންވެސް އެވަނީ ހުއްޓާލާފައެވެ. ނުވިތާކަށް މިހާރު އެދައްކަނީ އެތަނުން ވަކިވާ ވާހަކައެވެ. މޮޅަށް ކިޔެވިފައި ނެތުމުން، ރަޙުމަތްތެރިއެއްގެ އެހީގައި ލިބުނު އެވަޒީފާވެސް ބަލްމާ ދޫކޮށްލަން އެއުޅެނީ އެއްވެސް ސަބަބަކާ ނުލައެވެ. އެކަމާ ބަތީލު ހިތްހަމައެއް ނުޖެހުނެވެ.
“ބެލް، އެހާ ވަރުން ލިބުނު ޖޮބެއް ތީ، އަނެއްކާ ސެލަރީ ކިހާ ސަޅި، ކިހާ އެލަވަންސްތަކެއް އެމީހުން ދޭ” ބަތީލު ބުނަން ބޭނުން ހުރިހާ އެއްޗެއް ނުބުނެވެނިސް ބަލްމާ ވާހަކަދައްކަން ފެށިއެވެ.
“ބައްތޫ، ކަލޭ ތިހެން ޖޮބޭ ކިޔަން އެހާ ރީއްޗެއް ނޫން، އަދިވެސް ތިއުޅެނީ ސްކޫލު ނިމުނު ގޮތަށް ޖޮބެއް ނުހޯދާ، އެއްވެސް ކަމެއް އުންޏެއް ނުވެއެންނު، ހަމަ އަހަންނަށްވެސް އެ ޗޮއިސް އޮންނާނެ އެންނު، އަހަރެން ކުރާޙިތް ނުވާކަމެއް ގަދަކަމުން ކުރެވޭތަ، ނުވާނެ އެކަމެއް، އަހަރެން ހުރީ ފައިނަލް ކޮށްގެން މަންމަ އައީމަ އެވާހަކަ ބުނަން، ދެން އަހަރެން ނުދާނަމޭ އެތަނަކަށް” ބަލްމާ ރުޅި އަންނަ ގޮތް ވިއެވެ.
“ޗިލް ބެލް، ޖަސްޓް ޗިލް… ތިހާ ލޭމައްޗަށް ދާކަށް ނުވޭ ދޯ، އަހަރެންވެސް ޖޮބެއް ލިބޭތޯ މަސައްކަތް އެބަކުރަމޭ، ފުރައިގެން ދިޔައިރު ޖޮބު އޮތީ ހަމަޖެހިފަ އެންނު، މިންހާޖު ގާތު އަހަރެން އެހީމޭ މިކޮޅަށް އަންނަންވާއިރު އެކަން އޯކޭވާނެތޯ، އަސްލު އަހަންނަށް ހީވަނީ ބައްތު ތިއުޅެނީ އެހެން ކަމަކާ ބޯގޮވައިގެން ހެން، ކުރިންވެސް އަހަރެން ކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭ ދެން ކީއްވެތަ ތިވެގެން އުޅޭގޮތެއް ނުކިޔާ ދެވިގެން ތިއުޅެނީ، ޔޫ އަރ އެކްޓިންގ ޓޯޓަލީ ޑިފަރެންޓް، އެއީ ކީއްވެ، ދިނާރާ ހެދިތަ ހަމަ ތިވަރު ތިވަނީ، އޭނާދެކެ ފޫހިވިޔަސް ތީތަންފުކެއް ބޮޑުވަރު ކަންނޭގެ، އޭނާއަކަށް ދެރައެއްނުވާނެ ބެލް ޖޮބުން ކެނޑުނަސް” މިހެން ބުނިއިރު ބަތީލު ބަލަން އިނީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.
“ދެން ހެޔޮ، އެކަކާވެސް ވާހަކަދައްކާކަށް ބޭނުމެއްނޫން، މަގޭ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެން” ފުންމައިގެން ބަލްމާ ތެދުވިގޮތަށް ދިޔައީ ކޮޓަރިއަށެވެ. ބަތީލު އިތުރަށް ހައިރާންވެފައި ބަލަހައްޓައިގެން އިނީއެވެ. ބަލްމާއަށް ވެގެން އުޅޭގޮތެއް ވިސްނުމަށްވެސް ގެންނަން ނޭނގިފައެވެ.
ކޮޓަރިއަށް ވަން ގޮތަށް ބަލްމާގެ ސިކުނޑިއަށް ފިނިކަމެއް ލިބުނީ ފޯނުން މިންހާޖަށް ގުޅާލެވުމުންނެވެ. އެނދުގައި އިށީނދެލައިގެން އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު، އިރު އިރުކޮޅާ ބަލްމާގެ ނަޒަރު ހުޅުވާފައި ހުރި ކޮޓަރީގެ ދޮރާ ދިމާލަށް ހުއްޓެއެވެ. އެއްގޮތަކަށްވެސް ބަތީލަށް އޭނާ މިންހާޖާއިކަން ފޯނުން ވާހަކަދައްކަން އިނީ އެނގިދާނެތީ އުޅޭކަހަލައެވެ.
“އަހަރެންވެސް ބޭނުން ބޭރަށް ނުކުންނަން، މިންހާޖު އަހަންނަށް ބޭރަށް ނުކުމެވޭގޮތް ހަދާދީބަލަ، އާން، އޭރުން މިންހާޖާއިއެކު އެކަނިވެސް ހިނގައިދާނަން، ކީއްވެތަ އަހަރެން މިންހާޖު މަތިން މިސްވާންވީކީ” ބަލްމާ ފޯނުން ބުނަމުންދިޔައެވެ. އޮލަވާހަކައިގައި އިން ބަލްމާއަށް ކުއްލިއަކަށް އިވުނީ ފާޚާނާ ތެރެއިން ބިއްލޫރިގަނޑެއް ވެއްޓި ތަޅައިގެން ދިޔަ އަޑެއެވެ. ހީވީ ފާޚާނާގައި ހުރި ލޯގަނޑު ވެއްޓި ފުނޑު ފުނޑުވި އަޑުއެހެންނެވެ. ބިރުގެންފައި ހުރި ގޮތަކަށް މަޑުމަޑުން އެނދުން ތެދުވީ ގޮދަޑިއަށްވެސް ނޭނގޭނެހާ ސިއްރުންނެވެ. އަދި ފަހަތަށް ފަހަތަށް ކަހަލް ގޮތަކަށް ޖެހެމުން އައިސް ކޮޓަރިން ނުކުތެވެ. ބިރުގަންވަރުން ކުއްލިއަކަށް މިންހާޖުގެ ކޯލުވެސް ކަނޑާލެވުނުކަން ބަލްމާއަށް އެނގުނީ ދެނެވެ. ނޫންކަމަށް ހަދާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރެ ފާޚާނާއަށް ބަލާލިއެވެ. އެތަނުގެ ދޮރު ހުރީ ލައްޕާފައެވެ. އޭގެ އިތުރުން އެތަނުގައި މީހަކު ނޫޅޭކަން ބަލްމާއަށް ޔަގީންވެއެވެ.
“ކޮން އަޑުފަށްގަނޑެއްތަ އެއިވުނީ” މުނީބު ކޮޓަރީގެ ދޮރު ހުޅުވާލާފައި މިހެން ބުނުމުން ބަލްމާ ހިފަހައްޓާލައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވުނީ ހަމަޖެހުމެއް ހިތަށް ލިބުނު ފަދަ ގޮތަކަށެވެ.
“ލޯގަނޑު ތެޅުނީ ކަންނޭގެ” ބަލްމާ މިހެން ބުނީ އޭނާއަށް އިވުނު އަޑު އެހެން މީހުނަށްވެސް މިފަހަރު އިވުނޭ ހިތަށް އަރާފައެވެ.
“ނުވާނެ އެހެނެއް، ލަކުޑިތަކެއް ކަހަލަ އެއްޗެއް ވަރާލިހެން ހީވީ، އަޒްކޮ ނިދިފައި އޮވެފަ ދިޔައީ ސިއްސައިގެން، ކޮބާތަ މަންމަ، ކޮޓަރީގަތަ” މުނީބު، ބަލްމާ ގާތު ބުންޏެވެ. ތިރީ ތުންފަތުގައި ދަންއަޅާލި ބަލްމާ މަޑުމަޑުން ބޯޖަހާލިއެވެ.
މުނީބު އޭނާގެ މަންމަގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ވަނެވެ. ބަލްމާ ކަންބަޑޮވެފައި ހުރި ތަނުގައި ހުރެވުނީއެވެ.
“މިދެން ކިހާ ދެރަކަމެއް، ހާރޫނު ބުނި އަހަރެން ރަނގަޅުވާނެއޭ، ދުވަހަކު ރަނގަޅުވާކަށް ނޫޅުނު، އަހަރެން ބޭނުމެއްނޫން އެހެން މީހުންނަށް ނީވޭ އަޑުއަޑާއި ނުފެންނަ ތަންތަން އަހަންނަށް ހަމައެކަނި ފެންނާކަށް” ފުންނޭވާއަކާއިއެކު ދެލޯ މަރާލި ބަލްމާގެ ހިތަށް އަރަމުންދިޔައެވެ.
* * * *
ދުވަހުގެ ބާކީ އޮތްބައި ހޭދަވެގެން ދިޔައީ ބަލްމާގެ މޫޑު ގޯސްވެފައި ހުރެއެވެ. ބަތީލު އޭނާގެ ލޯބިވެރިޔާ އާއި ފޯނުން ވާހަކަދައްކާ ތަން ފެނިއްޖެނަމަ ދައްކަނީ ކޮންވާހަކައެއްތޯ ސިއްރުން އަޑުއަހަން ބަލްމާއަށް ހުރެވެނީއެވެ. ހުރިހާ މައްސަލައަކީ ބަތީލުގެ ލޯބިވެރިޔަކީ މިންހާޖަށްވީ ކަމެވެ. ބަލްމާގެ ހިތްވެސް ގޮވަނީ އެޒުވާނާއަށް ކަމަށްވީކަމެވެ. އެންމެ އެކުގައި އުޅުނު ކޮއްކޮއަށް ރަނގަޅު ގޮތެއްވާން ބަލްމާއަށް މިހާރަކު ނޭދެވެއެވެ. ހަމަޖެހިލައިގެން ބަތީލާއި ވާހަކަދައްކާ ނުލެވެނީވެސް އެހެންވެއެވެ. ބަތީލު ފެންނަ ކޮންމެ ފަހަރަކު ބަލްމާއަށް ހީވަނީ ބަތީލާއިއެކު މިންހާޖުވެސް ސިފަވާހެނެވެ. އެމަންޒަރު ބަލަން ހިތަށް ކުޅަދާނަނުވާތީ، ބަތީލާއި ދުރުގައި އުޅުވެނީއެވެ. ބަތީލުވެސް ހުރީ ގޮތްދޫނުކޮށް ބަލްމާ ވެގެން އުޅޭގޮތެއް ކިޔާދޭނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ހިތްހަމަ ނުޖެހުނުކަން އެނގުމުން އިތުރަށް ސުވާލުކުރާކަށް ބަތީލު ބޭނުމެއްނުވިއެވެ. ހީކޮށްގެން ހުރީ ގިނައިރެއްނުވެ ބަލްމާ އޭނާގެ ފިކުރުތަކާއިގެން ބަތީލުގެ ގާތަށް އައިސްދާނެކަމަށެވެ.
“ކޮންތާކަށް” އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވުމުން ގޭގެ ކުޑަދޮރުތައް ލައްޕާފައި، ދޮރުފަތިތަށް ދަމާލި ދާރާއަށް ގޭން ނުކުންނަން އުޅުނު ބަތީލު ފެނުމުން ސުވާލުކުރިއެވެ.
“މިދަނީ ރައްޓެހިކުދިންނާ މީޓުކޮށްލަންވެގެން، ރަށަށް އާދެވުނީމަތާ އެމީހުންނާވެސް ބައްދަލުކޮށްލެވޭނީ” ބަތީލު ވަރަށް ހަމަޖެހިލައިގެން ހުރެ ބުންޏެވެ.
“ކޮންމެހެން ބަތީލު ދާންޖެހޭތަ ބޭރަށް، ބަލަ ދައްތަވެސް އެއޮތީ ގޭގައެންނު، ރައްޓެހިންނާއި ބައްދަލު ކުރާނީ ދުވާލު އިރުހުއްޓަ، އިރުއޮއްސި އަނދިރިކަން ވެރިވާ ވަގުތަކު ނޫން، މިގަޑީގަ ބޭރަށް ދިއުމަށްވުރެ މާރަނގަޅެންނު ގޮސް ނަމާދަށް އެރިއްޔާ” ދާރާ ފާޅުކުރަން ބޭނުން ނުވިޔަސް ކޮންމެވެސް ވަރަކަށް އޭނާގެ ނުރުހުމުގެ އަސަރު ދެއްކިވާހަކައިގެ ރާގާއި އެކުވެގެން ފާޅުވެއްޖެއެވެ.
“މަންމާ އެމީހުނަށްވެސް ވަގުތުވީ މިގަޑީގައޭ، ދުވާލު ގަޑީގަ އޮފީސް ކަޓުވާލާފައެއް ނޫޅެވޭނެއެންނު، އަނެއްކާ އަހަންނަށް ޖޮބެއްގެ ވާހަކަވެސް ދައްކާލަންށޭ މިދަނީ، މަންމަ ބުނީމެންނު ދެން އަވަހަށް ވަޒީފާއަކަށް ދާންއުޅޭށޭ، މަވެސް ރެސްޕޮންސިބަލް މީހަކަށް ވާންށޭ މިމަސައްކަތް ކުރަނީ، ޕްލީޒް މަންމާ، އަހަރެން ވަރަށް އަވަހަށް އަންނާނަމޭ، ޕްލީޒް، ގިނައިރެއް ނުވާނެ، ކޮފީއަކަށޭ މިދަނީ ހުރިހާ އެންމެން” ބަތީލު އާދޭސް ކުރާ ވައްތަރެއް ޖައްސާލިއެވެ.
“މަށަކަށްނޭނގެ، ކަލޭވެސް ތިހިރީ ބޮޑުވެފަ، ރަނގަޅު ގޮތާއި ނުބައިގޮތް ވިސްނޭވަރުވެފަ” މިހެން ބުނުމަށްފަހު ބަތީލުގެ ހަރަކާތްތަކަށް ބެލުމެއްނެތި ދާރާ އޭނާގެ ކޮޓަރިއަށް ވަންނަން ހިނގައިގަނެއްޖެއެވެ.
އަވަހަށް އަންނަން ދިޔަ ބަތީލަށް ގެއަށް ވަދެވޭވަރުވީ ރޭގަނޑު އެގާރަޖަހަނިކޮށެވެ. އެހުރިހާ ބަލްމާ އިނީ އާދައިގެ މަތިން ކޮޓަރިއަށް ވަންނަން ނުކެރިފައެވެ. އެންމެންވެސް ހީކޮށްގެން ތިބީ ގިނަ ދުވަސްތަކެއް ފަހުން ޢާއިލާގެ މެންބަރުންނާއި ދިމާވީމަ އެހެންވެ އެމީހުނާއިއެކު ބަލްމާ ވަގުތު ހޭދަކުރަން ބޭނުންވެފައި އިނީކަމުގައެވެ. އެކަކަށްވެސް އޭނާގެ ހަމަހިމޭންކަމާއި ބާރުއަޑެއް އިވޭއިރަށް މީހާ ސިއްސައިގެން ދާކަމެއް ފާހަގައެއް ނުކުރެވެއެވެ. މުޅި ދުވަހަކު ގޭގައި ލައިގެން އުޅުނު ހަރުވާޅާއި އަތްދިގު ޓީޝާޓުކޮޅުގައި ބަލްމާ އުޅުނު އިރު އޭނާގެ އިސްތަށިގަނޑުގައިވެސް ފުނާ ޖައްސާލާ ތަރުތީބު ކޮށްލަން އުޅެފައި ހުރިހެނެއް ހިޔެއްނުވެއެވެ. އަބަދުގެން އިންނަނީ ސޮފާގެ ކަނެއްގައެވެ. އެއްވަރަކަށް ކަނާތުގެ ނިޔަފަތިތައް ކާލަ ކާލައެވެ. ސިކުނޑީގައި ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ. މިންހާޖާއި ބަތީލުވީ އެކުގައިކަން އެނގުމުން އެކަމުގެ ފިކުރެވެ. ދެތިން ފަހަރު މިންހާޖަށް ގުޅަންވެސް ގުޅައިފިއެވެ. އެހެންނަމަވެސް މިންހާޖު ފޯނެއް ނުނަގައެވެ. ވޭތުވެގެންދިޔަ ދެތިން ދުވަހު މިންހާޖުގެ ވާހަކަތައް ހުރިގޮތުންވެސް ބަލްމާއަށްވަނީ ކުޑަނަމަވެސް އުންމީދެއް ލިބިފައެވެ. ނަމަވެސް ފޯނު ނުނެގުމުން އޭނާގެ ހިތަށް ކުރި އަސަރު މާބޮޑެވެ.
“ދަރިފުޅު މިރޭ ބޭރަށްވެސް ނުނިކުންނަ ދުވަހަކީތަ، އޮފީހުން އައިގޮތަށް ތިއޮންނަނީ ހަމަ ގޭގަ، ކިހިނެއްވީ، ތަނެއްގައި ރިހެނީތަ” ޝިމްލާ އިސްތިރިކޮށްގެން ގެނައި ގަމީސް ދިނާރުގެ ކޮޓަރީގައި ހުރި އަލަމާރީގައި އަޅުވާލާފައި އެނދުގައި ބަންޑުން އޮތް ދިނާރު ފެނުމުން އަހާލިއެވެ.
“ކަމެއްނުވޭ، އޮފީހުން އައިސުރެ މިއުޅެނީ ކުޑަކޮށް ބޮލުގަރިއްސާތީ، ނިދާލަނިކޮށް ރަނގަޅުވެދާނެ ކަންނޭގެ، މަންމާ، ފަތިސް ނަމާދަށް ތެދުވެފައި އަހަންނަށް ގޮވާލައްޗޭ” ދިނާރުގެ އަޑުގައި ހުރި މަޑުމޮޅިގޮތް ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
“ދަރިފުޅު މިހާރު ނަމާދު ކުރަން ފެށީތަ، ނޫނީ އަނެއްކާ ކަމެއް ދިމާވެގެންތަ ތިއުޅެނީ، ދަރިފުޅު ގޯސްކަމެއް ނުކުރަންދޯ، މިފަހަކަށް އައިސް ރޭގަނޑު ނިދަން ގެއަށް އަންނަނީއެއް ނޫން، ރައްޓެހިންނާއިއެކު ބޭރުގަ ތިއުޅެނީ، ދިނާރު، އަނެއްކާ ދަރިފުޅަށް ގޯސްކަމެއް ކުރެވުނީތަ” ޝިމްލާ ކަންބޮޑުވިއެވެ. މީގެ ކުރިން އާދޭސް ކުރިޔަސް ދިނާރަށް ނަމާދަށް ދާށޭ ބުނާއަޑެއް އިވޭކަމަކަށް ނުވާނެއެވެ. ޒާހިރުގެ ވަރުން އަދިވެސް ކޮންމެ ހުކުރަކު، ހުކުރު ނަމާދަށް ދެއެވެ. އެހެންވެ އެފަދަ ދަރިއަކު އަމިއްލައަށް ނަމާދަށް އަރަން ބޭނުންވުމީ ޝިމްލާ އަޖައިބުވެ އަންތަރީސްވާވަރުގެ ކަމެކެވެ. އެހެންނަމަވެސް ދަރިފުޅުގެ އެބަދަލާއިމެދު އޭނާ އުފާވެސް ވެއެވެ.
“މަންމާ، އަހަރެން ގޯސްކޮށެއް ނޫޅެމޭ، ރައްޓެހި ކުއްޖެއް ބަލިވެ އުޅޭތީ އެގޭގަ ހޭލާ ތިބެނީ، އޭނާގެ ޢާއިލާ މީހުން ނެތިސް ބަލިވީމަ އަހަރުމެން ގާތް ރަޙުމަތްތެރިންގެ ގޮތުގައި ތިބެ ނުވާނެ އެންނު އަޅާނުލާ ހުންނާކަށް” ދިނާރު ވިސްނަން އޮވެފައި ބުންޏެވެ.
“އާން، ރަނގަޅުވާހަކައެއް ތިބުނީ، މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ނަމާދުކުރާ ހިތްވީމަ، އިރާދަކުރެއްވިއްޔާ ފަތިހު ބައްޕަ ނަމާދަށް ދާގަޑީގަ ބުނާނަން ދަރިފުޅުވެސް ގޮވައިގެން ދާން، ދަރިފުޅުގެ ރައްޓެހި ކުއްޖާ ކައިރިއަށް ދެން ދާއިރު މަންމަ ގާތު ބުނައްޗޭ، އެކަނި އުޅޭއިރު މަންމައަށް އެނގޭ ތިކުދިން ކައިބޮއެ ހަދާނީ ގޭން ބޭރުންކަން، އެހެންވެ މަންމަ ކާއެއްޗެއް ތައްޔާރުކޮށްލާފަ ދޭން ކަމަށް” ޝިމްލާއަށް ހީވީ ދިނާރު ދެއްކީ ފިރިހެން ކުއްޖެއްގެ ވާހަކަ ކަމަށެވެ. ދިނާރުވެސް އެ އެރި އޮޅުން ރަނގަޅުކުރުމުގެ ބަދަލުގައި ހިމޭންކަމާއިއެކު ބޯޖަހާލީއެވެ. އަދި ޝިމްލާ ނުކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. ފަތިހު ބަލްމާ މެންގެއިން ނުކުން ފަހުން އެނާ ކުރާ އެއްވެސް ފޯންކޯލަކަށް ބަލްމާ ޖަވާބެއް ނުދެއެވެ. އެކަމާ އޭނާގެ ސިކުނޑި މިހާރުވަނީ ސުމަކަށް ގޮސްފައެވެ.
“އަންނަން އެނގިއްޖެ ދޯ” ބަތީލު ގޭތެރެއަށް ވަނުމާއިއެކު ސޯފާގައި އިން ބަލްމާ ރުންކުރު ގޮތަކަށް ބުންޏެވެ.
“ކިހިނެއްވީ، މަންމަ ވަރަށް ރުޅިގަދަވެފަތަ ހުރީ” ބަތީލު އަވަސް އަވަހަށް ސިއްރު ފިޔަވަޅުތަކެއް އަޅަމުން އެތެރެއަށްވަދެ މަޑުމަޑުން ސިޓިން ރޫމުގެ ދޮރު ލައްޕާލިއެވެ.
“ކޮންތާކަށް ތިދެމީހުން ދިޔައީ، މަށަށް އެނގޭ މިރޭ ރަނގަޅު ތަނަކަށްވަދެފައެއް ނާންނާނެކަން ތިދެމީހުން” ބަލްމާ އޮޅުން ފިލުވަން ބޭނުންވިއެވެ.
“ބެލް، އެނގޭތަ މިރޭ ވަރަށް އާދަޔާއި ޚިލާފު ކަމަކާ ދިމާވި، އެނގޭތަ ހަނދު މިރޭ އިނީ ވަރަށް ފުލްކޮށް، އެކަމަކު މަށާ މިންހާޖާއި ދެމީހުން އަތިރިމަތީގައި ސަކަރާތްޖަހަމުންގޮސް މިންހާޖު މަށަށް ފިލީ އެނގޭ، އެތާހުރި މަގޫގަސްތަކުގެ ތެރޭގައި އޭނާ ފިލާހުއްޓާ މަށަށް އޭނާގެ ހިޔަނި ފެނުނު، އެކަމަކު އެއްބަހެއް ނުވި އޭނާ އެތަނުގައި ފިލާ ހުރިކަމަކަށް، މަށަށް ފެންނަންވެސް ފެނުނޭ، ދެން އެޔެއްނޫން އެނގޭ މިބުނަން އުޅޭ ވާހަކައަކީ، އެނގޭތަ ބެލް، މިރޭ ހަނދު އެހާ ބޮޑުވެފައި ހުއްޓާ އަހަރެން އަދި ދުވަހަކުވެސް ނުދެކެން، ހާދަ ކައިރީގައޭ ހަނދު ހުރީ، މަގޭ ދެއަތް ފުޅާކޮއްލީމަވެސް އެވަރުނުވާނެ، ހާދަ ބޮޑޭ، ގަސްތަކު ތެރޭގައި މިންހާޖު ފިލާހުރިތަންވެސް މަށަށް ފެނުނީ އެހެންވެ، ސީރިއަސްކޮށް، ހާދަ ސަޅިޔޭ، އެކަމަކު ފަހުން ބިރުގަން، ކުއްލިއަކަށް ހިތަށް އެރީ ހަނދު އެހާ ބޮޑުވެދާނެބާއޭ، އަނެއްކާ ދެންވީގޮތް އެނގޭތަ، މިންހާޖު ގޮވާތީ އަހަރެން ގަސްތަކު ތެރެއިން ނުކުން އިރު އޭނާ ހުރީ މަގާވީ ފަރާތުގައި، އަވަހަށް އޭނާއަށް ހަނދުދައްކާލަން އުޅުނުއިރު ހަނދު އިނީ ކުޑަވެފަ، ފުލްމޫންކޮށް އެކަމަކު މިހާރުވެސް ނޯމަލްކޮށް ފެންނަ ވަރަށް، އަޅެ އަޖައިބެއް ނޫންތަ އެއީ، އަހަންނަށް ޔަގީންވޭ އެއީ އަހަންނަށް ހީވި ގޮތެއް ނޫންކަން، ދެން ނޭނގެ… ކޮންމެ ގޮތެއްވިޔަސް އެއީ ވަރަށް ބޮޑު އަޖައިބެއް، އަދި އެހާމެ ސަޅި މަންޒަރެއް” ބަތީލު އައިސް ސޯފާއަށް ވެއްޓިގަނެފައި ކިޔާދިނެވެ.
ހިތުގައި އުފެދެމުން ދިޔަ ރުޅިވެރިކަމުގެ އޮއެވަރު ހިމޭންވުމުގެ ބަދަލުގައި ދިޔައީ ވަރުލަމުންނެވެ. ބަލްމާ ބޭނުންވަނީ ބަތީލުގެ ގައިގާ ތަޅައިގަންނާށެވެ. އޭނާގެ އިސްތަށިގަނޑަށް ދަމައިގަނެ ހެދުން ވީދާލާށެވެ. މޫނުގައި ވަކިއަޅާލާށެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އެއީ އަދި އެކަން ކޮށްގެން ވާނެ ގޮތެއް ނޫންކަމުގައި ވިސްނާދެމުންދިޔައެވެ.
“ކީއްވެތަ އެއްޗެއް ނުބުނީ، އަދިވެސް މޫޑީވެފަތަ ތިއިންނަނީ، އަހަރެން ހީކުރީ މިހާރު އޯކޭ ވެދާނެކަމަށް، އަހަރެން ވަރަށް ޓަޔަރޑް، ހިނގާ ކޮޓަރިއަށް ނިދަން ދަމާ” ބަތީލު ސޯފާގައި އިނދެ ހަށިގަނޑު ދަމާލަމުން ބުންޏެވެ. ނަމަވެސް ބަލްމާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން އޭނާ ސޯފާއިން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެތަން ބަލަން އިން ބަލްމާއަށް މާގިނައިރަކު އެކަނި އިންނާކަށް ނުކެރުނެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަނުމުގެ ކުރިން ބަލްމާ އަދި އެއްފަހަރު މިންހާޖާ ގުޅޭތޯ މަސައްކަތްކޮށްލަން ބޭނުންވިއެވެ. އަތުތެރޭގައި އޮތް ފޯނު ނަގާ މިންހާޖުގެ ފޯނަށް ބަލްމާ ގުޅުމުން ދެފަހަރަކު ރިންގުވެފައި މިންހާޖުގެ އަޑުއިވިއްޖެއެވެ.
“ހާދަ ވަރަކަށް ތިގުޅަނީ އަނެއްކާ ކިހިނެއްވީ” ހުރިހާ ހަޤީޤަތެއް އެނގިހުރެ މިންހާޖު ބުންޏެވެ.
“ކަމެއްނުވޭ، ހަމަ ވާހަކަދައްކާލާ ހިތުން ގުޅާލީ” ބަލްމާގެ ހިތުގެ ޝުއޫރުތައް ބޭރުކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާއަށް މިންހާޖުދެކެ އިންތިހާއަށް ލޯބިވެވިއްޖެ ކަމުގައި އަމިއްލަ ހިތާ ޒަމީރު ބުނާކަން އެނގެއެވެ. އެކަން ހާމަ ކުރަންވެސް ނުހަނު ބޭނުމެވެ.
“އެހެންތަ، ކީއްކުރަނީ، ނިދަންތަ ތިއޮތީ، މިއަދު މަންމަމެންވެސް އެއައީނު، ދެން ތިގެއަށްވެސް ނުދެވޭނެ، އެހެންނޫންނަމަތާ ބެލް ދެކިލަން ތިގެއަށް ދާނީ” މިންހާޖު ބުންޏެވެ.
“އާން ދޯ، މަންމަމެން އައީމަ ދެން ވަރަށް ފޫހި، ދެން ބުނެބަލަ، ބައްތުއެއް ނުބެނޭ އަހަރެން މިންހާޖަށް ގުޅިވާހަކައެއް، މިންހާޖު ނުބުނަންދޯ އޭނަ ގާތު އަހަރެން އެވަރަށް ގުޅިކަމެއް” ބަލްމާގެ ހިތަށް ވަން ސުވާލެއް އޭނާ ވަގުތުން ކޮށްލިއެވެ.
“އާނ، ނުބުނަން، ކިހިނެއްވީ، ބުނަންވީތަ” މިންހާޖު ބޭނުންވަނީ ބަލްމާގެ ދުލުން އޭނާ ބޭނުންވާހަކަ ބުނުވާށެވެ.
“ނޫން، އެކަމަކު މިހެން ބުންޏަސް މިންހާޖު ބުނަން ބޭނުންވީމަ ބައްތު ގާތު ބުނެވިދާނެ އެންނު، އެހެންނޫނަސް އެއީ ޔޫ ގެ ގަރލްފްރެންޑެއްނު” ދެރަވެފައި ބަލްމާ ބުނެލިއެވެ.
“ހޫމް، ތީވެސް ތެދެއް، އެކަމަކު މިހާރު އަހަރެން ހިތަށް އަރާ އެހެންކަމެއްވެސް އެބައޮތް، އަހަންނާ ބައްތު އާއި ގުޅޭ ބާއޭ، އޭނާގެ ހުންނަ ހަރުކަށިގޮތް އަހަންނަށް ވަރަށް ކަމުނުދޭ، ބެލް، އަހަރެން ހިތަށް އަރާ ބެލް ގޮތަށް އޭނާވެސް އުޅޭނެ ނަމައޭ، ތިހާ އަންހެންކޮށް، ތިހާ ސުވީޓުކޮށް، ހެ ހެ ހެ… އަސްލު އަހަންނަށް ރައްޓެހި މިވެވުނީ ރޯންގް ސިސްޓަރ އާއި ދޯ” މިންހާޖު ވާހަކަދެއްކީ ބަލްމާ ގަޔާވާނޭ ފަދަ ގޮތަކަށެވެ. ބަލްމާވެސް ލުއި ލުއި ގޮތަކަށް ހީނލީ މިންހާޖު ބުނި އެއްޗަކުން އުފާވިލެއް ބޮޑުކަމުންނެވެ.
“މިންހާޖު، ސަމްތިންގް ޗޭންޖް” ބަލްމާ ބުންޏެވެ.
“ހުރިހާ ކަމެއްވެސް ބަދަލުވާނެ ދޯ، ދުނިޔެއަކީ އެކަހަލަ ތަނެންނު” މިންހާޖު ނޭނގޭ ކަމަށް ހަދާފައި ބުންޏެވެ.
“މިބުނީ، މިބުނީ އަހަރެން މިންހާޖާއިމެދު ދެކޭގޮތް، އަހަރުމެން ދެމީހުންގެ މެދުގައި މި އުފެދޭ ގުޅުން، އަހަރުމެން ދެމީހުންނަކީ ރަޙުމަތްތެރިންނަށްވުރެ ގާތް ބަޔަކަށްވެއްޖެޔޭ އަހަރެންގެ ހިތްބުނަނީ، މިންހާޖު، އަހަންނަށް ވަރަށް ތަފާތު ފީލްއެއް ކުރެވެނީ، މިވާގޮތެއް ބުނެދޭކަށްނޭނގޭ، މަވެސް ހިތަށް އަރާ ދިނާރުގެ ބަދަލުގައި މިންހާޖަކީ އަހަރެންގެ ބޯއީފްރެންޑަށް ވެއްޖެއްޔާ ދެން ވާނީ ކިހިނެއްހޭ، ލައިފް ހެޕީ ވާނެބާއޭ” ބަލްމާ އިޝާރާތެއްކޮށްލީ މިންހާޖަށް އޭނާގެ ހިތުގެ އަޑުއިވޭނެނަމޭ ހިތަށް އަރައިގެންނެވެ.
“ހެ ހެ ހެ…. ބެލް ތިދައްކަނީ ކޮންކަހަލަ ވާހަކައެއް، އެކަމަކު ތިދެއްކީ މުޅިއަކުން އަހަރެން އަޑުއަހަން ބޭނުންނުވާ ފަދަ ވާހަކައެއްވެސް ނޫން، އަހަންނާ ވަކިން މީޓުކޮށް ފޭސްޓު ފޭސް ތިގޮތަށް ވާހަކަދައްކަން ބެލްއަށް ކެރޭނެތަ” މިންހާޖު ބޭނުންވީ ބަލްމާ އޭނާއަށް ބޭނުންވެފައި ހުރިވަރު ދެނަގަންނާށެވެ.
“މައްސަލައެއްނެތް، މީޓުކޮށްފާނަން” ބަލްމާ އެއްވެސް ވިސްނުމެއްނެތި އަވަސް އަވަހަށް ބުންޏެވެ.
“އެހެންވީރު ދެން މިރޭ ދޭ ނިދަން، މާދަމާ އަހަރެން ގުޅާނަން، ދާންވީތަނެއްވެސް ބުނާނަން، އަހަރެން މިރޭ ވަރަށް ހިތްހަމަޖެހިއްޖެ، މީޓުވީމަ ބެލް އުފާވާކަހަލަ ވާހަކައެއްވެސް ބުނާނަން، އޯކޭ، ދެން ބާއްވަނީ އެނގޭ، ގުޑްނައިޓް، ސްވީޓް ޑްރީމްސް” މިންހާޖު ވަރަށް ލޯބިން ބުނެލިއެވެ. ފޯނުގައި ހުރި ބަލްމާ އުފަލުން ނަށާލިއެވެ.
ކޮޓަރިއަށް ގޮސް ވަންއިރު ބަތީލު އެނދުމަތީ ފޯނު ހިފައިގެން އޮތެވެ. ބަލްމާ ފެނުމާއިއެކު ޖެއްސުމުގެ ގޮތަށް މިހާރު މޫޑު ރަނގަޅުވެގެން ތޯ ތިއައީ ބުނެލިއެވެ. އެކަމަށް އެއްވެސް އެއްޗެއް ނުބުނެ ބަލްމާ ހެދުން ބަދަލު ކޮށްލައިގެން ފާޚާނާއަށް ވަދެފައި ނުކުމެ ނިދަން އޭނާގެ އެނދަށް އެރިއެވެ. އެކަނި އެ އެނދުގައި އޮންނަންވީމާ ބަލްމާ ޖެހިލުންވިޔަސް މިހާރު ބަތީލުވެސް އެކޮޓަރީގައި އެބައޮތެވެ. އެހެންވެ ނިދޭތޯ މަސައްކަތްފެށީ މިންހާޖުގެ ޚިޔާލުގައި އޮވެއެވެ.
ކޮޓަރީގައި ތިބި ދެބެންނަށް ނިދުނީ ކޮންއިރަކު ކަމެއްނޭނގެއެވެ. ބަންޑުން އަރިއަކަށް ވާގޮތަށް އޮތް ބަތީލަށް ހޭލެވުނީ ދެފައިތިލަޔަށް ފިނިވެގެންނެވެ. ގައިމަތީ އޮތް ރަޖަލުން ކުރިއަށްވުރެވެސް ބޮޑަށް ދެފައިނިވާކޮށްލީމަވެސް ފިނިވާހެން ހީވަނީއެވެ. ނިދިބަރުކަމާއިއެކު މަޑުމަޑުން ދެލޯ ހުޅުވާނުލެވެނިސް ފާޑެއްގެ އަޑެއްވެސް ކޮޓަރި ތެރޭން އިވެން ފަށައިފިއެވެ. އެއާއިއެކު މަޑުމަޑުން ބަތީލު ލޯހުޅުވާލާފައި އެންމެ ފުރަތަމަވެސް ބަލާލީ ބަލްމާ އޮތް އެނދަށެވެ. އޭނާ އެކޮޓަރީގައި ނިދާފައި އޮތް އިރު ދިމާވި ކަންތައްތައް ހަނދާނުގައި ހަރުލާފައި ހުރުމުން އެންމެ ފުރަތަމަވެސް ހިމާޔަތަކަށް އެދި ގޮވާލެވޭނީ ބަލްމާއަށް ކަމަށްވީތީއެވެ. އެހެންނަމަވެސް ބަތީލު ބިރުގޮސް ހަށިގަނޑު ތެޅިގަތީ އެނދުމައްޗަށް ކޮޅަށް އަރާހުރި ބަލްމާ ފެނުމުންނެވެ. މެދުހަށި އުފުލެމުން ދިޔައިރު ހީވަނީ ކޮންމެވެސް މީހަކު ބަލްމާގެ އުނަގަނޑުގައި ހިފާނަގަނީހެންނެވެ. އެއްއަތް ހީވަނީ ކޮނޑުހުޅުން ނެއްޓިފައި އޮތްހެނެވެ. ކޮޓަރިތެރޭން އިވޭ ބިރުވެރި އަޑަކީ ބަލްމާގެ ކަނދުރާ އެލިފައި އޮތް އިރު އޭނާގެ އަނގައިން ލައްޕާ އަޑެއްކަން ބަތީލަށް ޔަގީންވިއެވެ. ފުންމައިގެން ތެދުވިގޮތަށް ބަތީލު ހަޅޭލަވައިގަތީ ބިރުގަތްވަރުންނެވެ. އެހިނދު ކުއްލިއަކަށް ބަލްމާ ނުބައިގޮތަކަށް ބަތީލަށް ބަލާލިއިރު އޭނާގެ ދެލޮލުގެ ކަޅިވެސް ފެންނާކަށް ނެތެވެ. އަދި ބަލްމާ ތެޅެން ފެށިއެވެ. ދެންއިވުނީ ބަލްމާގެ އަޑުން ރޮއެގަތްއަޑެވެ.
“ބެލް…” ބަތީލަށް ނިކަން ބާރަށް ހަޅޭލަވައިގަނެވުނެވެ. ބަލްމާއަށް އަނިޔާއެއްވެގެން ރޯފަދަ ގޮތަކަށް އަޑުހުރުމުން ބަތީލު އައިގޮތަށް އޭނާގެ ދިއްވެފައި ހުރި އަތުގައި ހިފާދަމައިގަނެއްޖެއެވެ. އެހިނދު ބަލްމާ ވެއްޓުނީ ބަތީލުގެ ގައިމައްޗަށެވެ. އޭރުވެސް ބަލްމާ ތެޅެނީއެވެ. ބަތީލަށް ބިރުންގޮސް ކުރެވޭ ނުކުރެވޭ ކަމެއްނޭނގެއެވެ. ހަމަހަޅޭލެވެނީއެވެ.
ދާރާއަށްވެސް ތެދުވެވުނީ ސިހިފައެވެ. އޭނާ އާއިއެކު އަންބަރުވެސް ތެދުވެ ކޮޅަށް ޖެހިއްޖެއެވެ. ހަގު ދެބެންގެ ކޮޓަރި އާއި ދިމާލަށް އެދެމަފިރިންނަށް ދުއްވައި ގަނެވުނު ގޮތްވެސް ނޭނގެއެވެ.
“ބަތީލު، ބަލްމާ… ބަތީލު…” ކޮޓަރީގައި އަލިކަމެއް ނެތުމުން ސުވިޗުގައި އަތްޖެހޭތޯ ފާރުގައި އަތްހާކާލަމުން ދާރާ އަވަސް އަވަހަށް ދެކުދިންގެ ނަމުން ގޮވާލިއެވެ.
“ޔާރައްބީ، މަގޭ ދަރި، އަންބަރު… އަންބަރު އަވަހަށް ބަލްމާ ނަގާބަލަ” ބަތީލުގެ ގައިމަތީ އެކި ވައްތަރު ޖައްސަމުން ދިޔަ ބަލްމާ އާއި ދިމާލަށް ދާރާ ހަލުވިކަމާއިއެކު އައެވެ. ދަރިފުޅުގެ ކޮނޑުގައި އަތްލުމާއިއެކު ބަލްމާގެ އަނގައިން ބިރުވަރުކަމުން ފުރިގެންވި ހަޅޭކެއް ބޭރުވިއެވެ. އެހެންނަމަވެސް ދާރާ، ބަލްމާގެ ދެއަތާއިއެކު ހަށިގަނޑު ހިފަހައްޓާލީ ވަރަށްވެސް ބާރަށެވެ. އަދި އަންބަރުގެ އެހީގައި ބަލްމާ އުފުލާލުމާއިއެކު ބަތީލު ދެމިގަތީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.
“ދަރިފުޅު، އަވަހަށް ދޭބަލަ ދޮންބެއަށް ގޮވަން” ދާރާ ހާސްވެ ކަންބޮޑުވުމާއިއެކު ބުންޏެވެ. އޭރުވެސް ބިރުން ރޯމަހެއްހެން ބަތީލު ހުރެ ތެޅެނީއެވެ. އެވަގުތު އަތުގެ ތެރޭގައިވެސް އޮތީ އަންހެން ދަރިއެކެވެ. އެހެންވެ ދާރާއަށް ދެކުދިންގެ ގާތަށް ދެވޭގޮތެއް ނުވިއެވެ. މިވަގުތު ބަލްމާއަށް އޭނާގެ އެހީތެރިކަން މާމުހިންމުކަން އެނގޭތީ އޭނާ ވަގުތުން ދުލަށް އައި ހެޔޮ އެއްޗެއް ވިއްޔާ ކިޔަންފަށައިފިއެވެ. އެއާއިއެކު ބަލްމާގެ ހާލުވީ ބޮޑެވެ. އަންބަރުވެސް ބަލަން ނުހުރެ އަވަހަށް ގޮސް މުނީބަށް ގޮވިއެވެ.
“ދަރިފުޅާ އަވަހަށް ނުކުމެބަލަ، މިއުޅެނީ ބަލްމާއަށް ކަމެއްވެގެންނޭ، ޒީނިޔާ ދަރިފުޅު ގާތު ބަތީލު ބައިންދަބަލަ” މުނީބު އައިސް ކޮޓަރި ހުޅުވުމުން ދޮރުމަތީ ހުރި އަންބަރު ވާހަކަދެއްކިއެވެ.
“ކިހިނެއްތަވީ، ކޮންއަޑެއްތަ އެއީ” މުނީބު ހުރީ ވާނުވާނޭނގުނަސް ވަރަށް ކަންތައްބޮޑުވެފައެވެ.
“އަވަހަށް ހިނގާބަލަ، މިހާރު ކިޔާދޭނެހާ ވަގުތެއްނެތް” އަންބަރު ވަގުތުން މުނީބުގެ އަތުގައި ހިފިއެވެ.
ޒީނިޔާ ކުޑަމަންޖެ އެނދުގައި ބާއްވާލާފައި ނުކުތީ ހަލުވިކަމާއިއެކުއެވެ. އޭރު ބަތީލު ހުރީ ކޮޓަރި ފާރުކައިރީގައެވު އޭނާ ހުރެގެން ފާރުގައި ދެއަތުގެ ނިޔަފަތިތަކުން ވަކިދަމަމުން ދިޔައެވެ. ޒީނިޔާ އައިސް ބަތީލުގެ ކޮނޑުގައި އަތްޖައްސާލުމާއިއެކުވެސް އޭނާ ދިޔައީ ސިއްސައިގެންނެވެ. އަދިވެސް އޭނާ ބިރުންތެޅެނީއެވެ. ޒީނިޔާއަށް އެކަން އެނގި ބަތީލުގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލުމާއިއެކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއިއެކު ބަތީލު، ޒީނިޔާގެ ގައިގާ އޮޅުލައިގަނެ ބާރަށް ރޯންފަށައިފިއެވެ. އޭރު ބަތީލާއި ބަލްމާ ނިދާ ކޮޓަރީގެ ތެރެއިން ބިރުވެރި އަޑަކުން މީހަކު ހަޅޭލަވާއަޑު އިވެމުންދިޔައެވެ.
“ޒީ، ކޮޓަރިއަށްވަދޭ، އަހަރެން ނުބުނަނިސް ނުނިކުންނާތި” ކުއްލިއަކަށް މުނީބު، ބަލްމާ އޮތް ކޮޓަރިން ނުކުތް ވަގުތު ޒީނިޔާ ފެނުމުން ބުންޏެވެ. ކަންބޮޑުވެފައި ހުރި ޒީނިޔާ އަވަސް އަވަހަށް ބޯޖަހާލަމުން ބަތީލުގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ކޮޓަރިއަށް ވަދެއްޖެއެވެ. އެންމެންގެ ހަރަކާތްތައް ހުރިގޮތުން ޒީނިޔާވެސް ބިރުގަނެއްޖެއެވެ. މުނީބުގެ ފަރާތުން ފެނުނު ހާސްކަން ޒީނިޔާއަށް އަންގައިދިނީ ގޭތެރޭގައި ހިނގައިގެން އުޅެނީ އާދައިގެން ކަމެއް ނޫންކަމެވެ. އޭނާ ދެން މަސައްކަތް ކުރީ ބަތީލު ހަމައަކަށް އަޅުވައިގެން އޭނާގެ ގާތުން ވެގެން އުޅޭކަމެއް އޮޅުން ފިލުވޭތޯއެވެ.
މުނީބުގެ އަތްދަނޑިމައްޗަށް ބަލްމާ އުފުލާލެވުނީ އެތަށް ފަހަރަކު އޭނާ ނަގަން މަސައްކަތް ކުރިފަހުންނެވެ. މުނީބުގެ އަތްމަތީގައި ބަލްމާ އޮތްއިރުވެސް އޭނާ ދިޔައީ އެގޮތް މިގޮތަށް ތެޅިފޮޅެމުންނެވެ. އަންބަރު ބަލްމާގެ ދެފައިގައި ހިފަހައްޓާފައި ހުރިއިރު ދާރާ، ބަލްމާ ދެއަތް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ސިޓިން ރޫމަށް ބަލްމާ ނެރެވުމާއިއެކު މުނީބު ބަލްމާ ޓައިލްސް ތަކުގެ މަތީ ބާއްވާލިއެވެ. ބަލްމާގެ ދެއަތުގައި މުނީބު ހިފުމާއިއެކު ދާރާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެފައި އައި ބޮޑު ރަޖައެއް ހިފައިގެންނެވެ. އަތުގައި ބެޑުޝީޓެއްވެސް އޮތެވެ. އައިގޮތަށް އައިސް އަވަހަށް ސިޓިން ރޫމުގެ މެދެއްހާ ހިސާބުގައި ރަޖާ ދެފަށަށް ފަތްޖަހާލުމާއިއެކު އަޅައިފިއެވެ. އަދި އަންބަރާއި މުނީބުގެ އެހީގައި އޭގެ މަތީގައި ބަލްމާ ބާއްވައިފިއެވެ. ދާރާގެ އަތުގައި އޮތް ބެޑުޝީޓު ފޮތިގަނޑުން ބަލްމާގެ ހަށިގަނޑު ނިވާކޮށްލުމާއިއެކު ގޭގައި ޤުރުއާން ކިޔަވާ އަޑު އެއްއަޑަކަށް ހިފައިގެން ދިޔައެވެ. ފަހަރަކު މީހަކު ގޮސް ވުޟޫ ކޮށްލައިގެން އައިސް ކިޔަވަން ފަށަނީއެވެ. ނަމަވެސް ބަލްމާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ފެންކަޅިވެފައި އިން ދާރާ ނުރޯން ވަރަށް ހިތްވަރު ކުރަމުންދިޔައެވެ. އެހެންނަމަވެސް ދޭތެރެއަކުން އަތުގެ ނުފުށުން ކޯތާފަތް ފޮހެލާތަންވެސް ފެނެއެވެ. ހަދަންވީ ކިހިނެއްކަމެއް، ކިޔަންވީ ކޮންކޮން އެއްޗެއްކަމެއް އެނގޭ އެކަކުވެސް ނެތެވެ.
ފަތިސް ނަމާދަށް ގޮވީ ބަލްމާ މައިތިރިވިތާ ދެތިން މިނެޓުފަހުންނެވެ. ގަޑިބަލާލަން ހަނދާންވެސް ވީ ނަމާދަށް ގޮވާއަޑުއިވުމުންނެވެ. އެހެންނަމަވެސް އަންބަރާއި ދާރާގެ އިތުރުން މުނީބަށްވެސް ތެދުވަން ނުކެރިފައި ތިބީ ބަލްމާއަށް ވާނެ ގޮތެއް ނޭނގޭތީއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި އެންމެންވެސް ތިބީ ބަލްމާ ހަރަކާތެއް ކޮށްލާތޯއެވެ. ނަމަވެސް ޚަބަރު ހުސްވެފައި އޮތްހެން ބަލްމާ އޮންނަން ފެށުމުން ދާރާ އޭނާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ.
“ދަރިފުޅާ، ބަލްމާ… ބަލްމާ، ލޯހުޅުވާލަބަލަ” ފެންފޮދެއް ބަލްމާގެ މޫނުގައި އުނގުޅާލަމުން ދާރާ ބަލްމާއަށް ގޮވަމުންދިޔައެވެ.
މަޑުމަޑުން ބަލްމާ އެސްފިޔަ ތަޅުވާލިތަން ދާރާއަށް ފެނުމުން އުންމީދުގެ ނޭވާއަކާއިއެކު އަނެއްކާވެސް ބަލްމާއަށް ގޮވާލެވުނެވެ. މިފަހަރު މަޑުމަޑުން ބަލްމާ ލޯހުޅުވާލިއެވެ. އެއާއިއެކު ދާރާ، ބަލްމާގެ ބުރަކަށިދަށަށް އަތްވައްދާލަމުން އޭނާ ތެދުކުރުވަން މަސައްކަތް ކުރިއެވެ.
“މުނީބު، މޭޒުމަތީ ހުރި ފުޅިން ފެންތައްޓެއް އަޅައިގެން ވަރަށް އަވަހަށް މަންމައަށް ގެނެސްދީބަލަ” ދާރާގެ އެހީގައި ބަލްމާއަށް ތެދުވެވުމާއިއެކު، ދާރާ ބުންޏެވެ.
ފެންފޮދު ތުނބުގައި ޖެހުމާއިއެކު ބަލްމާ ތަށިފުރެންދެން ހުރި ފެން ބޮއެ ހުސްކޮށްލިއެވެ. އެގޮތަށް ދެތިން ތަށިފެން ބުއިމަށްފަހު ބަލްމާއަށް އޭނާގެ ވަށައިގެން ތިބި އެންމެން ފެންނަވަރުވިއެވެ. އެއާއިއެކު އޭނާއަށް ރޮވިއްޖެއެވެ. ސިއްރުތައް ބޭޒާރުވެއްޖެކަން އެނގިއްޖެއެވެ. ދާރާ އެއްވެސް ސުވާލެއް ނުކޮށް ދަރިފުޅު ގަޔާކައިރިކޮށްލައިގެން އިރުކޮޅަކު އިނެވެ.
“އަންބަރު، ދޭ މުނީބާއިއެކު ނަމާދުކޮށްލަން، އެކަމަކު އެހަށް ގޭންބޭރަށް ނުނިކުންނާތި، ތިދެބަފައިން ނަމާދުކޮށްލައިގެން އައީމަ އަހަރެން ނަމާދުކޮށްލަން ދާނީ” ދާރާ މިހެންބުނެ ބަލްމާ އަތުލަފިކޮށްލައިގެން ގެންގޮސް ސޯފާގައި ބެއިންދިއެވެ.
ޒީނިޔާ ކަންބޮޑުވެފައި އިންގޮތަށް އިނީއެވެ. ބަތީލު ހަމަޖެހުމާއިއެކު އޭނާގެ ސުވާލުތަކަށް ޖަވާބު ދީފިއެވެ. ހިތުގައި އުފެދުނު ބިރުވެރިކަން ހިތުގައި ފޮރުވާލައިގެން އިންގޮތަށް ޒީނިޔާ އިނީއެވެ. އިތުރަށް އެވާހަކަ އޮޅުން ފިލުވަން އޭނާވެސް ބޭނުންނުވީ ބަތީލު ބިރުގަނެފައި އިންވަރުންނެވެ. އިންތިޒާރު ކުރަމުން ދިޔައީ މުނީބު އައިސް ކޮޓަރިއަށް ވަންނާނެ އިރަކަށެވެ.
“އަހަރެން މިދަނީ ބައްޕަ އާއިއެކު އެކޮޓަރިއަށް ނަމާދަށް އަރާލަން، ޒީ، ބައްތު ގޮވައިގެން އަވަހަށް ނަމާދަށް އަރާ” ކޮޓަރީގެ ދޮރު ހުޅުވާލި މުނީބު އެތެރެއަށް ބޯދިއްކޮށްލަމުން ބުންޏެވެ.
“ބަލްމާ ކިހިނެއްތަ، އަހަރުމެން ނުކުތަސް އެންމެ ރަނގަޅުތަ” މުނީބު ފެނި އެނދުން ތެދުވެވުނު ޒީނިޔާ އަހާލިއެވެ.
“ކޮޓަރިން ނުނިކުމެ އެހަށް މަޑުކޮށްލާ، އަހަރެން މިއަންނަނީ، ބެލް އޯކޭ މިހާރު، ދެން ފަހުން ދޯ، ބައްތު ކިހިނެއް، އޭނާ ވަރަށް ބިރުގަންފަ ހުރިކަން އެނގޭ” މުނީބު ވާހަކަދެއްކީ މަޑުމަޑުން ކޮޓަރިތެރޭގައި އިން ބަތީލަށް އަޑުނީވޭނޭ ހެންނެވެ.
ދާރާ، ބަލްމާގެ ގައިގާ ފިރުމަމުން ހިނގާ ދިޔަ ކަންތަކާއިމެދު ސުވާލު ކުރިއެވެ. ނަމަވެސް ބަލްމާ ރޮމުން އެއްވެސް ވާހަކައެއް ދެއްކޭގޮތެއް ނުވިއެވެ.
“ބަލްމާ، މަންމަމެން ތިކަމަށް ކަމެއް ކުރަން މީހަކު ގެނައިމަ އެމީހަކުވެސް ސުވާލު ކުރާނެ މިކަން މިހެންވާތާ ކިހާ ދުވަހެއްވެއްޖެތޯ އާއި މިކަން ފެށުނީ ކިހިނެއްތޯވެސް، ދެން މައްސަލައެއް ނެތް، ދަރިފުޅު މިވަގުތު ކިޔާދޭން ބޭނުން ނުވަންޏާ މަންމަ ދެން ނާހާނަން، ހިނގާ މަންމަ އާއިއެކު ނަމާދަށް އަރަމާ، މަންމަ ކުރިންވެސް ދަރިފުޅުމެން ގާތު ބުނަމުން މިއަންނަނީ ރޭގަނޑު އެހާ ދަންވަންދެން ބޭރުގައި ނޫޅޭށޭ، އަހަރުމެން އެކަންޏެއް ނޫނޭ މިދުނިޔޭގައި ލައްވާފައިވަނީ، އަނެއްކާ ނަމާދަށް އަރާލާ ޤުރުއާން ކިޔަވާލާ ހަދަނަކީއެއް ނޫން، ދެންވެސް ހިނގާ މިހާރު އެހުރިހާ ކަމެއް ކުރަން ފަށަން، އޭރުން އިރާދަކުރެއްވިއްޔާ ތިކަމުން ސަލާމަތްވެދާނެ، ހިނގާ މަންމަ އާއިއެކު ވުޟޫކޮށްލަން ދަމާ” ދާރާ އިނީ ވަރަށް ދެރަވެފަ، ހަމައެހާމެ ރުޅިވެސް އައިސްފައެވެ. އެހެންނަމަވެސް އެކަން އޭނާ ފާޅެއް ނުކުރެއެވެ. އޭގެ ބަދަލުގައި ބަލްމާ އާއި ހުރިހާ ވާހަކައެއްވެސް ދައްކަމުން ދިޔައީ މަޑުމައިތިރިކަމާއިއެކު ނަޞާހަތްދޭ އުސޫލުންނެވެ.
“ކިހިނެއްވީ ދެފަރާތަށް ތި ބޯހޫރުވާލީކީ، ނަމާދު ކުރަން ބޭނުން ނުވަނީތަ” ދާރާ ނަމާދު ކުރާ ވާހަކަ ބުނުމުން ބަލްމާގެ ހަރަކާތްތައް ހުރި ގޮތް ފެނުނެވެ. އަދި ނަމާދު ކުރަން ބޭނުން ނުވަނީހޭ އެހުމުންވެސް ބަލްމާ ދިނީ އެއްޖަވާބެކެވެ. އެއާއުއެކު ދާރާއަށް ބަލްމާ ބުނަން އުޅޭ އެއްޗެއް ނަގައިގަނެވުނު ކަހަލައެވެ.
“ދަރިފުޅަށް ނަމާދު ނުކެރެވޭފަދަ ޚާލަތެއްގަތަ ތިހުރީ، ކިހާ ދުވަހެއްވެއްޖެ” ދާރާ އިތުރަށް ކަންބޮޑުވިއެވެ. އަންހެން ދަރިންގެ ކަންތައްތައް އެންމެ ފަސޭހައިން އެނގޭނޭ ބަޔަކީ މައިންނެވެ. އެގޮތުން ބަލްމާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދާރާއަށް ވަރަށް ރަނގަޅަށް ފާހަގަވެއްޖެއެވެ.
“ދެހަފްތާވަނީ، މަންމާ… ދެން ކިހިނެއް ނަމާދުކޮށް ޤުރުއާން ކިޔަވާނީ” ބަލްމާ ކަރުނުން ފުރިފައިވާ ލޮލަކުން ދާރާއަށް ބަލާލީ އެހީވާށޭ ބުނާފަދައިންނެވެ. ދާރާ މަޑުމަޑުން ބޯޖަހާލާފައި ބަލްމާ ގާތު ސޯފާގައި އޮށޯވެލައިގެން އޮތުމަށް ބުންޏެވެ. އަދި އަންބަރާއި މުނީބު އައުމުން އޭނާވެސް ނަމާދުކޮށްލުމަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް އައިސް ވަދެވުމާއިއެކު އެންމެ ފުރަތަމަވެސް އެނދުގައި އިށީނދެލެވުނެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ދާރާއަށް ރޮވިއްޖެއެވެ. އޭނާ ދުވަހަކުވެސް ނުދެކޭފަދަ ކަންތައްތަކެއް ލޯކުރިމަތީގައި ހިނގާ ދިޔައިރު ޚުދު އޭނާވެސް ހުރީ ވަރަށް ބިރުންނެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ދާރާ އަވަސް އަވަހަށް ދެލޯ ފޮހެލައިފިއެވެ.
“އަހަންނަށް އެނގޭ ދާރާ ކަންބޮޑުވާނެވަރު، އަހަންނަށްވެސް މިހުންނަނީ ޤަބޫލު ނުކުރެވިފަ، ދުވަހަކު ކޮޅުންވެސް ދިމާވެދާނެއޭ ހީވެސް ނުކުރާވަރުގެ ބޮޑު މުސީބާތަކާއި މިދިމާވީ، ވީ އެންމެ އަވަހަކަށް ބަލްމާ ރަނގަޅު ނުކޮށްފިނަމަ ކަންތައްތައް މިހާރަށްވުރެ ގޯސްވެދާނެހެން ވަރަށް ހީވޭ، އެކަމަކު ކޮންތާކުން އެފަދަ މީހަކު ހޯދާނީވެސް” އަންބަރު އައިސް ދާރާގެ ގާތުގައި އިށީނދެ އޭނާގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.
“ފަންޑިތަ ހަދާ މީހަކު ނުހޯދައެއްވެސް ނެތެންނު ވާކަށް، ބަލްމާއަށް އެވީވަރު ފެނުނެންނު، އަނެއްކާ މިރޭވެސް އެމަންޖެ އެހާލުގައި އުޅެންޖެހިދާނެތީ އެންމެ ކަންބޮޑުވަނީ، އަންބަރު، އިރުއޮއްސެން ވާއިރަށް ޖެހޭނެ އެކަހަލަ މީހަކު ގެންނަން، އަހަންނަށް ކެތެއްނުވާނެ ބަލްމާ އެހާލުގައި އުޅޭތަން ދެކޭކަށް، އަނެއްކޮޅުން މިގޭގައި ކުޑަކުޑަ ކުއްޖަކު އެބައޮތް، މީހުންބުނޭ އެކަހަލަ ކަންތައްތަކުގެ އަސަރު ކުޑަކުދިންނަށް ކުރާލެއް އަވަސްވާނެއޭ، އެކަމާވެސް މިއިންނަނީ ވަރަށް ކަންބޮޑުވެފަ، ޒީނިޔާއަކީ ވަރަށް އަވަހަށް ބިރުގަންނަ ކުއްޖެއް، އަހަރެން ބޭނުމެއްނޫން މިކަމުގެ އަސަރު އެކުދިންނަށް ކުރާކަށް” ދާރާ އިސްޖެހިފައި އިނދެ ވާހަކަދެއްކިއެވެ.
“ދެން ތިވަރަށް ނުވިސްނާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅު، މިކަން ޚައްލު ކުރެވޭވަރުގެ މީހަކު ލިބޭތޯ އަހަރެން ނުކުންނާނަން، މިހިސާބުން ނުލިބުނިއްޔާ އެކޮޅު އަވަށަށްވެސް ދާނަން، ހަމަގައިމުވެސް މިކަހަލަ ކަންތައްތައް ދަންނަ މީހުން މިރަށުގައި އުޅޭކަން އަހަންނަށްވެސް އެނގޭ، އަހަންނަށް ފެންނަނީ މިކަން މާގޯސްވާނަމަ މުނީބުމެންގެ ދެމަފިރިން މާލެ ފޮނުވާލަން، އޭރުން ޔަގީނުންވެސް އެކުދިން މިކަމުން ސަލާމަތް ކުރެވުނީނު، ދެން ދޭ އަވަހަށް ވުޟޫކޮށްލަން، އެހެންނޫނީ މިހެން ވާހަކައިގައި ތިއްބައި އިރުއަރާފާނެ” އަންބަރު ހިތްވަރުގެ ހިނިތުންވުމެއް ދާރާ އާއި ބަދަލުކޮށްލަމުން އަނެއްކާވެސް ދާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ދާރާވެސް ލުއި ހިނިތުންވުމެއް ގަދަކަމުން ދީފައި ފާޚާނާ އާއި ދިމާލަށް ދިޔައެވެ.
އޮފީހަށް އަޔަސް އެއްވެސް މަސައްކަތެއް ކުރާހިތެއް ދިނާރު ނެތެވެ. އޭގެ ބަދަލުގައި އަބަދުހެން އޭނާއަށް ބަލާލެވެނީ އޭރުވެސް އަތުގައި އޮތް ފޯނަށެވެ. ސްކްރީނަށް އަރައި ގެއްލެމުން ދިޔައީ ބަލްމާގެ އެކި ފޮޓޯތަކެވެ. ދެމީހުން އެކުގަ އާއި ވަކިން ނަގާފައި ހުރި ފޮޓޯތަކެވެ. ވިސްނާ ވިސްނާ ދިނާރުގެ ސިކުނޑި ވަރުބަލިވެއްޖެއެވެ. ބަލްމާގެ ޝައުގުވެރިކަން އޭނާ އާއިމެދު ގެއްލެންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހަމައެކަނި ސިކުނޑި އާއި ހިތަށް ލިބުނު ޚައްލެއްކަމުގައި ވީ ބަލްމާ ހޯދުމަށް އެގެއަށް ދިއުމެވެ. ޔަގީނުންވެސް ކޮންމެވެސް ދުވަހަކުން ބަލްމާގެ ޢާއިލާ މީހުންނާއި ބައްދަލު ކުރަން ޖެހޭނެތާއެވެ. ދިނާރު އެކަމާވެސް ވިސްނައެވެ. އޭނާ ބަލްމާދެކެ ވަނީ ސާފު ތެދުވެރި ލޯތްބެކެވެ. އަމިއްލަ މިލްކެއްކަމުގައި އަބަދުގެ އަބަދަށް ބަލްމާ ހެދުމަށް އޭނާ ގެންގުޅޭ ވިސްނުމަށް ބާރު ލިބޭނީވެސް ބަލްމާގެ ޢާއިލާ އާއިވެސް ބައްދަލުވެގެންކަން ދިނާރަށް އެނގެއެވެ. އޮފީހުގައި ބާކީ އޮތް ހުރިހާ ވަގުތެއްގައި ދިނާރުގެ ވިސްނުން އޭނާ ބޭނުންކުރީ ބަލްމާމެންގެއަށް ދާން ހަދާނެ ގޮތަކާއިމެދުއެވެ. އެގެއަށްވަންނާނެ ގޮތާއި ދާއިރު ހުންނަންވާނީ ކިހިނެއް ކަމެކެވެ. އަދި ވާހަކަދައްކަން ވާނީ ކިހިނެއްކަމާއިމެދުއެވެ.
މެންދުރު ވިއިރުވެސް އަންބަރަށް އޭނާ ބޭނުންވެގެން އުޅޭކަންތައް ވާގޮތެއް ނުވިއެވެ. މުޅި ގޭތެރެއަށްވަނީ ތަފާތު ހިމޭންކަމެއް ވެރިވެފައެވެ. ބިރުވެރިކަން ހިތަށް ވަދެފައި ވިޔަސް އެކަކަށްވެސް އެކަން ހާމަ ކުރާކަށް ނުކެރެއެވެ. ބަލްމާ ހަދާނެގޮތް ހުސްވެފައި ހުރިއިރު އޭނާ އެކަނިވިޔަކަ ދާރާ ނުދެއެވެ. ފެންވަރަން ފާޚާނާއަށް ވަނަސް ދާރާ، ބަލްމާގެ އަޑުއިވޭ ހިސާބުގައި މަޑުކޮށްލައިގެން ހުރެއެވެ. އެންމެންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވެފައި ވީއިރު، ޒީނިޔާ އެކަން މުނީބުގެ ގާތުގައި ހާމަކޮށްފިއެވެ. އޭނާ ބޭނުންވީ އަވަހަށް މާލެ ދާށެވެ.
“ޒީ، މިވަގުތު މަންމަމެނަށް އަހަރެންގެ އެހީ ކިހާ ބޭނުންވާނެ، އަހަންނަށް އެނގޭ ޒީ ތިހެން ތިބުނަނީ ބިރުގަނެފައި ހުރިވަރުންކަން، އެކަމަކު ވިސްނާލަބަލަ، ރޭގައި އަހަރުމެން ނެތްނަމަ ބައްތު ކޮންޓްރޯލު ކުރަން ހުންނާނީ ކާކު، މަންމަ އާއި ބައްޕައަށް ބަލްމާ ކޮންޓްރޯލު ކުރަމުން ބައްތުއަށްވާގޮތެއް ބަލާލެވޭނެތަ، އެކުއްޖާ ބިރުން ހަލާކުވަނީ އަހަންނަށް ނުކުމެވުނު އިރުވެސް، ކުރެވޭ ނުކުރެވޭ ކަންތައްވެސް އޭނައަށް ނޭނގޭ، އަހަރެންގެ ހަޔާތުގަވެސް މިފަދަކަމެއް ނުދެކެން، އެއޮތް އިވުނު އަޑަކުން އަހަރެންގެ މޭވެސް ހީވަނީ ފިނިވެގެންގޮސް ގަނޑުވެދާނެހެން، އެކަމަކު އެވަގުތު އަހަރެން ބިރުގަނެ ފިނިވެއްޖެނަމަ މަންމަ އާއި ބައްޕައަށް ކިހިނެއްވާނީ، އެހެންވެ މިބުނީ މިވަގުތު އަހަރުމެން މާލެ ދިއުން އެހާ ރަނގަޅެއް ނޫނޭ، ޒީ ހާސްނުވެބަލަ، ޒީއަކީ ނުލާހިކު ރަނގަޅު ކުއްޖެއް، ނަމާދުކޮށް ރަނގަޅަށް ތި އުޅެނީ، އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަގެ ދެރަކަމެއް ދިމައެއްނުވާނެ” މުނީބު ބުންޏެވެ.
“ދެން އަހަރުމެންގެ ދަރިފުޅޯ، އަޒްކޮ ލިބިގެން މިހާ ދުވަސްވީއިރުވެސް އެކުއްޖާއަށް މީހެއްގެ އެސްފީނާއެއްހާ ހިސާބުވެސް ނުޖެހޭ، އެކަމަކު ހަމަ ކުއްލިއަކަށް މުނީބުގެ ބައްޕަމެންގެ ރަށަށް ދިޔައީމަ އެކުއްޖާގެ އުޅުމަށްވެސް ބަދަލު އަތުވެއްޖެ، އަހަރެން ވަރަށް ބިރުގަނޭ އެބަ، އެންމެ ހިނދުކޮޅަކަށްވެސް މިގޭގައި ހުންނާކަށް ބޭނުމެއްނޫން، މުނީބު މަޑުކުރަންޏާ މަޑުކުރޭ، އަހަރެން އެކަމަކާ ނުބެހޭނަން، އެކަމަކު އަހަންނާ އަޒްކޮ މާލެ ފޮނުވަދީ” ޒީނިޔާ ކަންބޮޑުވެފައި ހުރިވަރުން ވާހަކަވެސް ދެއްކީ ވަރަށް އަވަސް އަރުވާލާފައެވެ.
ލިބުނު ނާކާމިޔާބާއިއެކު މާޔޫސްވެފައި އަންބަރު އިނީ ރަށުގެ އަތިރިމަތީގައި ހުރި އައްޓެއްގެ މަތީގައި އިށީނދެލައިގެންނެވެ. ޖަވާބެއްނެތި ދާރާގެ ކައިރިއަށް ދާން އެނާ ބޭނުންނުވެފައި އިންކަހަލައެވެ. ދޭތެރެއަކުން މަޑުމަޑުން ތުނިތުނިކޮށް ކޮށާފައި ހުރި އިސްތަށިގަނޑުގައި އަތްހާކާލައެވެ. އެއާއިއެކު ނިތްކުރިއަށް އެތަށް ރުލެއް އަރައިގެންދާތަން ފެނެއެވެ.
“އަންބަރު، މިހިސާބުގަ ކޮންކަމެއް، ދާރާ އާއި ކުދިން ކޮބާ” ޖައުފަރުގެ އަޑުއިވުނެވެ. އަންބަރު އެއްގަމާ ދިމާލަށް ބަލާލިއިރު ޖައުފަރު އައިސް އޭނާއިން އަށީގައި އިށިންނަނީއެވެ. ޖައުފަރަކީ އަންބަރާއިއެކު އެއްއޮފީހެއްގައި ކުރިން މަސައްކަތް ކުރި މީހެކެވެ. އޭނާގެ ސުވާލުތަކަށް އަންބަރު ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ސަމާސާ ރާގެއްގައެވެ. އެއާއިއެކު ޖައުފަރުގެ އަމިއްލަ ވާހަކަތަކުން ވަގުތުތައް ފުރަން ފަށައިފިއެވެ. މާގިނައިރު ހިތުގައި ފޮރުވައިގެން އަންބަރަކަށް ނީނދެވުނެވެ.
“ޖައުފަރު، މިއުޅެނީ ވަރަށް ދެރަކަމެއް ދިމާވެގެން، މިއިނީ ވަރަށް ބޯހާސްވެފައި، ހަދާނެގޮތެއް ނޭނގިފައި” އަންބަރުގެ އަޑުންނާއި އޭނަގެ މޫނުމަތިން މާޔޫސްކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
“ކިހިނެއްވީ، އަވަހަށް ބުނޭ ރަޙުމަތްތެރިޔާ، އޭރުންތާ އަހަންނަށް އެހީއެއްވެވޭނީ” ޖައުފަރު ހިތްހެޔޮ ކަމާއިއެކު ބުންޏެވެ.
“މިއުޅެނީ އަހަރެންގެ ކުއްޖަކަށް ކަމެއް ދިމާވެގެން، އިންސާނެއްގެ ކަމެއްނޫން، ޑޮކްޓަރަކަށްވުރެ އެކަން ރަނގަޅުކުރަން ބޭނުންވަނީ އެހެން މީހެއް، އެފަދަ މީހަކު ހޯދަން ނުކުމެ މިއުޅެނީ، އެކަމަކު އަދި ހަމަ ލިބޭގޮތެއްނުވޭ، އެންމެ މީހަކާ ދިމާވީވެސް، އެހެން މީހުން ބައްދަލެއްވެސް ނުކުރި، ދިމާވި މީހާވެސް ބުނީ މިހާރު އެކަހަލަ ކަންތައްތައް ކުރުން ހުއްޓާލައިފީމޯ، ޖައުފަރު، ނިކަން އަހަންނަށް އެހީވެދީބަލަ” އަންބަރުގެ އަޑުގައި ހުރީ އާދޭސްކުރާފަދަ ގޮތެކެވެ.
“މާޔޫސްނުވޭ، ޖިންނި ފަރާތުކަމެއް ލައިގަތީ ދޯ، މިރަށުގަ މިހާރު ތީ ބޮޑުވެއްޖެކަމެއް، އެނގޭތަ، އޮފީހުގައި އުޅޭ ޒިޔާދުވެސް އުޅޭ އިހަށްދުވަހު އެގޭ ކައިރީ ގެއެއްގެ ކުއްޖަކު ޖިންނި މޮޔަވެގެން، ވީގޮތެއް އަދިވެސް ނޭނގެޔޯ، މަވަސް އަޑުއެހީ، އެކަމަކު ބުނަން، އަންބަރުވީމަ މިބުނަނީވެސް، ނިޒާރުބެގެ ވާހަކަ އަޑުއަހަންތަ” ޖައުފަރު މަޑުޖެހިލާފަވެސް ބުންޏެވެ.
“ކޮން ނިޒާރުބެއެއް، އަހަންނަށްކަށް ނޭނގޭ” އަންބަރު އަވަސް އަވަހަށް ބުނެލީ ޖައުފަރު ބުނިއެއްޗަކަށް އެއްވެސް ވިސްނުމެއް ހިންގާލުމެއް ނެތިއެވެ.
“ދާރާގެ ތިމާގެ މީހެއް އެއީ، އެހާ ގާތަކުންނެއްނޫން، ދާރާގެ ބައްޕަމެންގެ ފަރާތުން އޮންނަ ދުރުތާ ތިމާގެކަމެއް، އަންބަރަށް އެނގޭނެ އޭނާ، މިހާރު ހުރީ ވަރަށް މުސްކުޅިވެފަ، އެކަމަކު ތިޔަބުނި ކަހަލަ ކަންތައްތަކަށް ވަރަށް މޮޅުވާނެ، ކުޅަދާނަ މީހެއް އެއީ، އަހަރެން ނުދެކެން އަދި އޭނާ ކަމެއްކޮށްދިން ކުއްޖަކު ރަނގަޅުނުވެ ހުއްޓައެއް، އޭނައަށް ތީ އެއްވެސް ކަމެއްނޫން” ޖައުފަރުގެ ވާހަކަ ނުނިމެނިސް އަންބަރު ވާހަކަދައްކަން ފެށިއެވެ.
“އޭނާގެ ނަންބަރު އަހަންނަށް ދޭންވީނު، ނޫނީ އަހަރެން ގޮވައިގެން އޭނާ ގާތަށް ދާންވީނު” އަންބަރު މިހެން ބުނީ ކެތްތެރިކަން ކުޑަގޮތަކަށެވެ. ޖައުފަރު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި އަންބަރު ގާތު އޭނާ އާއިއެކު އައުމަށް ބުންޏެވެ. އެއާއިއެކު ޖައުފަރުގެ މިސްރާބު ހުރީ ނިޒާރުބެ މެންގެއާއި ދިމާލަށެވެ.
“އެމަންޖެ ގޮވައިގެން އަސުރުން ފައިބައިގެން އާދޭ، އެކަމަކު ބޭބެއަށް އެހީވާނެ މީހަކު ބޭނުންވާނެ، ރަނގަޅަށް ކިޔަވަން އެނގޭ ކުއްޖަކު ބޭބެ ގާތު މަޑުކޮށްލަންވާނެ” ނިޒާރުބެގެ މުސްކުޅި ކަމާއިއެކު ވާހަކަދައްކަނީވެސް ވަރަށް މަޑުމަޑުން ލަސްލަހުންނެވެ. އޭނާ ފެނިފަ އަންބަރަކަށް އެއީ މާމޮޅު މީހެއްފާޑެއް ނުޖެހިފައެވެ. ނިޒާރުބެގެ މުސްކުޅި ކަމާއިހެދި މިސްކިތަށްދަނީވެސް ދަރިއެއްގެ އެހީގައެވެ. އަންބަރަށްވެސް ނިޒާރުބެ ފެނުމުން އެއީ ދާރާގެ ތިމާގެ މީހެއްކަން އެނގުނެވެ. ނިޒާރުބެގެ ޢާއިލާއަށް ދާރާ އެނގެއެވެ. އެހެންވެ އަންބަރު ބޭނުންވި ކަންތައް އޭނާއަށް ކޮށްދޭނަން ކަމުގައި ނިޒާރުބެ އެއްބަސްވިއެވެ.
ގެއަށް އައިސް ދާރާއަށް މިޚަބަރު ދިނުމާއިއެކު އޭނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. އެހެންނަމަވެސް އަންބަރު، ނިޒާރުބޭގެ ނަން ބުނުމުން ދާރާއަށް އެއީ ކާކުކަން ހަނދާނަށް އައެވެ. އަދި އެވަގުތު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުންމީދުގެ އަސަރު ފާޅުވެގެންދިޔައެވެ. އަސުރު ނަމާދުން ފައިބައިގެން ނިޒާރުގެބެ ގާތަށް ދިއުމަށް އަންބަރާއި ދާރާ ނުކުތީ ބަލްމާ ގޮވައިގެންނެވެ. ނިޒާރުބެ ބުނިގޮތަށް ޓެކްސީއެއްގައެވެ. އެހުރިހާއިރު ބަލްމާގެ ހަތަރެސްފައި ދިޔައީ ފިނިވަމުންނެވެ.
ބަހެއްވެސް ނުބުނެ މައިންބަފައިންނާއިއެކު ޓެކްސީގައި ބަލްމާ އިންއިރު އޭނާއަށް ކުދިކުދި އުނދަގޫތައް ވަމުންދިޔައެވެ. ޓެކްސީގެ ކުޑަދޮރުން ބޭރު ބަލާލަންވެސް ބަލްމާ އިނީ ޖެހިލުންވެފައެވެ. ދާރާއަށް އެކަން އެނގުނީކަންނޭގެއެވެ. ދަރިފުޅު ގަޔާކައިރިކޮށްލަމުން ކޮނޑުގައި ފިރުމާލިއެވެ.
“ނިޒާރުބޭ، މިހިރީ ދާރާ، ދެން މިހިރީ އެމަންޖެ” އަންބަރު، ނިޒާރުބެގެ ގެޔަށް ވަދެ އޭނާ އާއި ބައްދަލުވުމުން ބުންޏެވެ. އޭރު އެގޭތެރޭގައި ނިޒާރުބެގެ ކުދިންނާއި، އެކުދިންގެ ދަރިން އުޅޭތަންފެނެއެވެ. ދާރާއަށް ނިޒާރުބެއަކީ ކާކުކަން އެނގެއެވެ. އަދި އެޢާއިލާގެ މެންބަރުންނާއިވެސް ރައްޓިކަން އޮވެއެވެ.
“ހިނގާ ކޮޓަރިއަށް ދަމާދޯ” ނިޒާރުބެ ބުންޏެވެ. އަދި އޭނާ ނިދާކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. އަންބަރާއި ދާރާވެސް ބަލްމާ ގޮވައިގެން ނިޒާރުބެގެ ފަހަތުން ދިޔައެވެ.
“ކޮއްކޯ، ކިހިނެއް ދިމާވެގެން އުޅޭކަމެއްތަ މީ” ނިޒާރުބެ އޭނާގެ މަސައްކަތް ފެށުމުގެ ކުރިން އަހާލިއެވެ. އޭރު އޭނާ ގެންގުޅޭ ފޮތްބޮނޑިތައް ކޮޓަރީގެ އެއްފަރާތެއްގައި ހުރި ފޮއްޓަކުން ނަގަނީއެވެ.
“ރޭ ދަންވަރުވީ ކަމެއް، އެކަމަކު މިކަމެއް މިހެން ހިނގާތާ ހަފްތާއެއްވަރު ވެއްޖެކަމަށްވަނީ، ކިހިނެއް ދިމާވެގެން އުޅޭކަމެއްކަން ހަމަ އެއްގޮތަކަށްވެސް ނޭނގޭ” ދާރާ ވާހަކަދެއްކިއެވެ.
“މިތާ އެމަންޖެ ބާއްވަމާ، އަންބަރު، އެކޮއެ ބޭބެ ގާތުގައި މިތާ އިނދެ ބޭބެ ބުނާތަންތަން ކިޔާލަދޭންވާނެ” ނިޒާރުބޭގެ ވާހަކަދެއްކުމުގައި ހުރީ ވަރަށްވެސް ގާތްގޮތެކެވެ. އެއީ ކީއްވެކަންވެސް އަންބަރަށް އެނގެއެވެ.
ކޮޓަރީގެ މެދުގައި ފަތުރާލި ކުނާމަތީ ބަލްމާ އުއްޑުން އޮށޯވެއްޖެއެވެ. އަދި ދެއަތް ހަޝަމަށް އަރުވާލައިގެން ދެފައި ދަމާލައިގެން އޮތެވެ. އޭނާގެ ކޮނޑުގައި ނިޒާރުބެ މަޑުމަޑުން ޖަހާލާފައި އެއްގޮތަކަށްވެސް ބިރު ނުގަތުމަށް ބުންޏެވެ. ނިޒާރުބެ ހުއްޓާ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެއޭ ބުންޏެވެ. ބަލްމާ އެކަން ޤަބޫލު ކުރަންވެސް ބޭނުމެވެ. އެކަމަކު އޭނާގެ ހަނދާނަށް އައީ ހާރޫނެވެ. ހާރޫނުވެސް ބަލްމާ ރަނގަޅު ކުރަން ކަންތައްތަކެއް ކުރިއެވެ. އެހެންނަމަވެސް އެކަމުގެ ނަތީޖާ ހަމަ ސުމެކެވެ. ބަލްމާއަށް އެކަމުން އެއްވެސް ލުއިކަމެއް ނުލިބެއެވެ. އެންމެފަހުން މިހާރު މިވަނީ މައިންބަފައިންގެ ކުރިމަތީ ބޭޒާރުވެސް ވެފައެވެ. މިކަމެއް ދިމާވާން މެދުވެރިވި ކަމެއް ޚުދު ބަލްމާވެސް އެނގެން ބޭނުމެވެ. އެކަމަކު ޖެހިލުންވަނީ ނިޒާބެ ބުނެދާނެ އެއްޗަކުންނެވެ. ބަލްމާއަށް އަޑުއިވިފަ އޮންނަގޮތުން ނަމަ ފަންޑިތަ ހަނދާމީހުންނަށް ހުރިހާ ކަމެއްވެސް އެނގޭނެއެވެ. އެހެންވެ އޭނާ އާއި ދިނާރުގެ މެދުގައި ހިނގާފައިވާ ގާތް ގުޅުން ތަކުގެ ވާހަކަ ނިޒާރުބެ ބަލްމާގެ މައިންބަފައިންނަށް ކިޔައިދީފާނެތީވެ އޭނާ ވަކިން ކަންބޮޑުވެފައި އޮތެވެ. އޭނާގެ ދާދި ގާތުގައި ދާރާ އިނެވެ. އެހެންނަމަވެސް ނިޒާރުބެ، ދާރާއަށް މަނާކުރީ ބަލްމާގެ ގައިގާ އަތްލުމަށެވެ. ކުރާކަމެއްކޮށް ނިމެންދެން ދާރާ، ބަލްމާގެ ގައިގާ އަތްލައިގެން ނުވާނެ ކަމަށް ނިޒާރުބެ ބުނުމުން ދާރާ ވަރަށް ހާސްވިއެވެ.
(ނުނިމޭ)