HAAVIYAA VEEMA HAYAIY

ކަންފަތްމައްޗަށް އެރި ހަމަލާއިން އަހަރެން އަނބުރައި ނުގަތީ ކިރިޔާއެވެ. ލޯމަތިން ރަންކަނިބުރާލި އެވެ. ފާރުގައި ގޮސް ޖެހުނު ނިތްކުރީގައި އަތްލެވުނީ ބޭއިޚްތިޔާރުގައެވެ. މީހާ ބުރާންތިވާ ފަދަ ތޫނު ތަދެއް އިހުސާސްކުރެވުނެވެ. ހަމައަކަށް ނޭޅެވިގެން އުޅެނިކޮށް އިސްތަށިގަނޑު ތެރެއަށް އެ ވަރުގަދަ އިނގިލިތައް މަހާލިކަމުގެ އިހުސާސްވިއެވެ. އިސްތަށިތަކުގެ ބުޑުން ލުހެލަން އުޅުނު ކަހަލައެވެ. އެ އަތް ނައްޓާލެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް ގެނައި ކުއްލި ހަރަކާތަކާއެކު އަހަރެން ވެއްޓި ކުދަރިފުޅުގެ އެނދުގެ ފަނޑީގައި ޖެހި އެ ބިންދައިގެން ދިޔަކަން އެނގުނެވެ. ހަމައެހިނދު އަހަރެން ހަޅޭނުލަވާން މަސައްކަތް ކުރި ނަމަވެސް ކަރުބުޑުން ބާރު އަޑެއް ނުކުމެގެން ދިޔައެވެ. އިސްތަށިގަނޑަށް ދުލެއް ލިބުނުކަން އިހުސާސްވިއެވެ. ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ.

ލޯހުޅުވާލަން އަހަރެން މަސައްކަތްކުރީމެވެ. ނިތްކުރިއަށް އަރާފައި ހުރި ވާނާއެކު ހީވަނީ ނާށިގަނޑު ފަޅާލާފައި ސިކުނޑި ބޭރަށް ނުކުންނަން އުޅެނީހެނެވެ. އަނގައިން ބުނަން އުޅުނު ވަގުތު ތުންފަތް ހީވީ ހިލަވެފައި ވިހެނެވެ. ރޯން ބޭނުންނުވިޔަސް އަހަރެންގެ ލޮލުގެ ހިމަކޮޅުންލާފައި ފައިބައިގަތް ހޫނު ކަރުނައިގެ ތެތްކަން އިހުސާސްވިއެވެ.

“ޒާރި!… މީ ދައްތައޭ… ޒީނިޔާ” އަހަރެންގެ އެއްބަނޑުއެއްބަފާ ދައްތަގެ އަޑު އިވުނެވެ. އެހިނދު އަޑުއައި ފަރާތްނޫން އަނެއްފަރާތައް މޫނު އަނބުރާލެވޭތޯ އަހަރެން އުޅުނީމެވެ.

“ކޮއްކޯ. މާބޮޑަށް ހަރަކާތްނުކުރޭ. ކޮލާއެކު ނިތްކުރީގެ ބައެއް ތިވަނީ ފަހާފައި. މޫނު އެއްކޮށް ތިއޮތީ ދުޅަވެފައި. ޑަކްޓަރުބުނީ ދެދުވަހެއްވަރު ވާނޭ ދުޅަ ތިރިވާން. އަން! މި ކުރުނބާ ފެންފޮދު ބޯލެވޭތޯ ބަލާ” ދައްތަގެ އަޑުގައިވަނީ އޯގާތެރިކަމެވެ. ހިތަށް ކުރި އަސަރުން އަހަންނަށް އިތުރަށް ރޮވުނީއެވެ.

“ސާ… ސާ…އި..ދު… ދަރި…” އުނދަގުލުން އަހަރެން އޭނާގެ ނަން ކީމެވެ.

“އޭނާގެ ވާހަކަ މިވަގުތު ނުދައްކާ. އަޒޫ ގާތުގައި އެމަންޖެވީ. ގެއަށް ދެވޭންދެން އިހަށް އަރާމުކޮށްލާ” މާގިނަ ވާހަކައެއް ދައްކަން ދައްތަ ނުހެދިއެވެ. އަހަރެންގެ ތުނބުގައި ޖެހުނު ހޮޅިން ކުރުނބާ ފެންފޮދެއް ބޯލީމެވެ. އެތެރެހަށްޓަށް ފިނިކަން ލިބިގެންދިޔައެވެ. ކަރުހިއްކައިގަނެފައި އޮތްވަރު އެނގުނީ ދެނެވެ. ކުރިއަށްވުރެ ބޮޑުކޯވަރެއް އަހަރެން ހޮޅިން ދަމާލީމެވެ. ހިކިފައިވާ އަނގަޔަށް ތެތްކަންލިބި ހިތިކަން ވެސް ކުޑަވިއެވެ.

ހަށިގަނޑަށް ޖެހި އިންޖެކްޝަންތަކުގެ ބާރުގައި އަހަންނަށް ނިދުނެވެ. ހޭލެވުނު އިރު ގާތުގައި ތިބެ ދެ މީހަކު ވާހަކަދައްކާއަޑު އިވުނެވެ. އަޑުން އެއީ އަހަރެންގެ ދައްތަ ޒީނިޔާއާއި އޭނާގެ ފިރިމީހާ ގިޔާސްއެވެ. ނިދާލެވުމުން އަހަންނަށް ލުއިކަން އިހުސާސް ކުރެވުނެވެ. ތަދު ވެސް ކުޑަހެން ހީވެއެވެ. އެހެންނަމަވެސް ބޮލަށް ކުރެވޭ ބަރުކަން ފިލައިގެން ނުދެއެވެ.

“އަހަންނަށް ފެންނަނީ ޒާރި އަހަރުމެން ގެއަށް ގެންދަން. ދެން ނޭނގެ ފުރާނަނެތް މަސްގަނޑާ ނޫންކަމެއް ހަވާލުވާން އަންނާން ޖެހޭނީ. އަހަރެން ކިތަންމެ ފަހަރަކު ހިތައް އަރާ ކަމާބެހޭ ފަރާތައް އަންގަން. ޒާރި ރޯވަރުން ނުކުރެނީ” ގިޔާސް ބުންޏެވެ.

“ނަސީބެއް ކުޑަމަންޖެއަށް އެއްޗެއް ހިފައިގެން ވިޔަސް ގޮސް އެގެއަށް ވަދެވުނުކަން… ގިޔާސް! އަހަރެން ވަރަށް ދެރަވޭ. ޒާރިއަށް ނަޞޭޙަތް ވެސް ދެވުނު އަދަދެއް ނޭނގެ. ނަސީބެއްކަންނޭނގެ މަންމައާއި ބައްޕަ ދުނިޔޭގައި ނެތްކަން. އެހެންނޫނީ އެ މީހުންނަށް މިއަދު ޒާރި ފެނިއްޖެނަމަ ވާނީ ކިހިނެއް؟ ގިޔާސް! ކިތަންމެ ފަހަރަކު އަހަރެން ބުނެފީމޭ ކޮއްކޮ ގާތުގައި އަންނާށޭ އަހަންނާއެކު އުޅޭން. އަހަރުމެން ދެމަފިރިންނަށް ކޮއްކޮ ހުއްޓަސް އުނދަގުލެއް ނުވާނެއޭ. ކިހާ ރީތިކޮށް ހުރި ކުއްޖެއްމީ. އެކަމަކު މިހާރު ބަލާބަލަ. ޒާރިފާއޭ މީހަކު ނުވެސް ބުނާނެ. އެ ސާއިދަކީ ހުރިގޮތަށް ހުރި ހައިވާނެއް”

ދައްތަގެ ރުއިމުގެ އަޑުން އަހަރެންގެ ނަފްސު އަޑުލައިގަތެވެ. ޟަމީރު ވިސްނައިދޭން ފެށިއެވެ. ކައިވެންޏަށް ތިންއަހަރުވީއިރު އަހަރެންނަށް ލިބުނީ އެއްއަހަރު ދުވަހުގެ އުފަލެވެ. ދެން ހޭދަވި ދެ އަހަރު އަހަރެން ގަނަތެޅުނީއެވެ. ލޯތްބަށް ޓަކައެވެ. ފިނިކަމެއްނެތް ދާނެއްގައި ކަރުހިއްކުން ފިލުވައިދެވޭތޯއެވެ. އެކަން ވެސް ވީ ބޭކާރެވެ. ދާނުގެ ފިނިކަން ކަމުގައިވީ އަހަންނަށް ލިބޭ އަހުވަތަކުންނެވެ. އެއާއެކު ދެމެދުގައި އޮތް ހަމައެކަނި ގާތްކަން ވެސް ނެތިދިޔައީއެވެ. މިހާރު އޮތީ ކައިވެނީގެ ލަފުޒު އެކަންޏެވެ. ވަރިނުކުރާނޭ ކަން ވެސް އެނގިއްޖެއެވެ. މީ އަހަރެން ކުޑަކޮށް ވެސް އުންމީދުކުރި ފަދަ ޙަޔާތެއް ނޫނެވެ. ދިރިހުއްޓާ އެތައް ފަހަރަކު ކޮންމެ ދުވަހަކު މަރުވާން ޖެހިފައިވެއެވެ.

އެއީ މީގެ ތިން އަހަރު ކުރިއެވެ. ފުރަތަމަ އަހަންނާއި ސާއިދު ދިމާވީ އައިޖީއެމްއެޗްއިން ހެނދުނުގެ ޑިއުޓީ ނިންމާފައި ނުކުތް ވަގުތެވެ. އަހަންނަކީ އައިޖީއެމްއެޗްގެ އުމުރުން ދުވަސްވެ ބަލި އެނދުގައި ގިނަ ދުވަސްތަކެއް ވާންދެން ތިބެން ޖެހިފައިވާ ބަލީމީހުން ބައިތިއްބާ ވޯޑުގައި މަސައްކަތް ކުރާ ނަރުހެކެވެ. އައިޖީއެމްއެޗްގެ އެމަޖެންސީ ފަރާތު ގޭޓު ކައިރީ އަހަރެންގެ ޅިޔަނު ސައިކަލުގައި މަޑުކޮށްލައިގެން އިންތަން އަހަރެން ދުށީމެވެ. އަވަހަށް ގެއަށްދާން ބޭނުންވެފައި ހުރިވަރުން ކުޑަކޮށް ދުވެލާފައި ނުކަންނަން އައިތަނާ ގޭޓުން އެތެރެއަށް ވަން ޒުވާނާ ފެނުނީ ކުއްލިއަކަށެވެ. އަހަރެން މަޑުޖެހިލީމެވެ. ހަމަ އެވަގުތު އޭނާ ވެސް އެއްފަރާތްވެލާން އުޅުނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ގައިން ރެކިއެއްނުލެވި މުޑިއަރައިފިއެވެ. އަހަންނަށް ކުރުކޮށްލެވުނު ވައަތާއެކީ ގޮސް ޖެހުނީ އެ ޒުވާނާގެ މޭގައެވެ.

“ސޮރީ! ވަރަށް ބޮޑަށް ސޮރީ!” އަހަރެން ކަންބޮޑުވެފައި މަޢާފަށް އެދުނީމެވެ.

“އިޓްސް އޯކޭ… ގަސްދުގަ އެކަކު ވެސް ޖެހިއެއް ނުގަންނާނެ” ހިތްހެޔޮ ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާ ބުންޏެވެ. އަހަރެން ވެސް ހިނިތުންވުމެއް ބަދަލުކޮށްލާފައި ހިނގައިގަތް ވަގުތު އެ ޒުވާނާ ގޮވާލިއެވެ. އިއްތިފާގަކުން އޭނާވީ އަހަރެން މަސައްކަތްކުރާ ވޯޑުގައި އޮތް ބަލިމީހެއްގެ ދަރިއަކަށެވެ. ވަރަށް އަވަސް އަރުވާލާފައި އޭނާ ބުނެލީ މާލެ އައީ މިއަދު ކަމުގައެވެ. އަތުގައިވާ ބޭސްތައް އޭނާއާ ހަވާލުކުރީ އޭނާގެ ބޭބެކަމުގައެވެ. ނަމަވެސް އައިޖީއެމްއެޗްގެ ތެރޭގައި ވޯޑު ހޯދުމުގައި ވަގުތު ބޭކާރުނުކުރާން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން އޭނާއަށް އެހީތެރިވީމެވެ. ވޯޑަށް ދާނޭ ގޮތް ތަފްޞީލުކޮށް ކިޔައިދިނީމެވެ. ޝުކުރުއަދާކޮށްފައި އޭނާ ހިނގައިގަތުމުން އަހަރެން ވެސް އައިސް ޅިޔަނުގެ ސައިކަލު ފަހަތަށް އެރީމެވެ. އެ ޒުވާނާގެ ގައިގާ ޖެހުނު މަންޒަރު ޅިޔަނަށް ވެސް ފެނުނީތީ އެކަމާ ސުވާލުކުރިއެވެ.

އަހަންނަށް ދިމާވި ޒުވާނާއަށް ކިޔަނީ ސާއިދުކަން އެނގުނީ ދަންވަރު ޝިފްޓުގައި މަސައްކަތް ކުރަނިކޮށެވެ. ދުވަސްތަކަކަށްފަހު އަހަރުމެން ދެމީހުން ބައްދަލުވުމުން އެކަކު އަނެކަކު ދެނެގަންނާން އެނގުނީ އަހަރުމެން ދެމެދުގައި ހިނގާފައި އޮތް ކުޑައެކްސިޑެންޓުންނެވެ. އޭނާ ފުރަތަމަ ވެސް ހީނލީއެވެ. މަޑުމަޑުން އަހަރުމެން ދެމެދުގައި އެކުވެރިކަން އުފެދުނީއެވެ. ސާއިދުގެ ވާހަކަތަކުން އަހަންނަށް އޭނާ ސިފަކުރެވެމުންދިޔައީ ހިތްހެޔޮ މީހުންނާ ގުޅޭ މީހެއްގެ ގޮތުގައެވެ. ހޮސްޕިޓަލުގައި އޮތް ބަލިމީހަކީ އޭނާގެ ބައްޕައެވެ. ގިނަ ވަގުތު ހޮސްޕިޓަލުގައި އިންނަނީ ސާއިދުއެވެ. އެހެންވެ އޭނާ ބައްޕައާ މެދު ބަހައްޓާ އޯގާތެރިކަން އަހަންނަށް ވެސް ފެނުމުގެ ނަސީބު ލިބުނެވެ. އޭނާގެ ޢާއިލާގައި އެއްބަނޑު ބޭބެއަކާއި އެއްބަނޑު އެއްބަފާ އަންހެންކޮއްކޮއެއްގެ އިތުރުން ދެން ހުރި ހަމައެކަނި މީހަކީ އެ ބަލި ބައްޕައެވެ. ސާއިދު ހުރީ މައިސޫރުގައި ކިޔަވަންކަމަށް ބުންޏެވެ. ނަމަވެސް ބައްޕަގެ ހާލު ބޮޑުވުމުގެ ސަބަބުން ކުއްލިއަކަށް މާލެ އަންނާން ޖެހުނީއެވެ. އޭނާއަކީ ހދ.ނޮޅިވަރަމް ޒުވާނެކެވެ. ރަށުގައި ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެކެވެ. އަންހެންކޮއްކޮއަށް ހުޅުމާލެއިން ފްލެޓެއް ލިބިގެން ދިރިއުޅެނީ ކޮއްކޮ ގާތުގައި ކަމުގައި ސާއިދު ބުންޏެވެ. ޢާއިލާގައި މީހުނާ ނީނދެ މިހާރު ހުރި މީހަކީ ހަމައެކަނި ސާއިދެވެ.

އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން އިތުރު ގުޅުމެއް ނިރުފަޅައި ފޯދެން ފެށިއެވެ. އަހަރެން ވެސް ހުރީ ހަޔާތަށް ހަރުދަނާ ރަނގަޅު ޒުވާނަކު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހިތުގެ މުރާދު ހާޞިލުވީ ސާއިދުއާ ލޯބީގެ ގޮތުން ގުޅެވުމުންނެވެ. އޭނާ ފަރާތުން އުނި އެއްވެސް ސިފައެއް އަހަރެން ނުދެކެމެވެ. ސިނގިރޭޓު ބުއިމާއި ވަގުތު ބޭކާރު ކުރުމުގައި ސޯޝަލް މީޑިއާގައި އުޅެއެއް ނުހަދައެވެ. ހުރިހާ ގޮތަކުން ވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ސާއިދު ފުރިހަމައެވެ. މާބޮޑަށް ވެސް ފުރިހަމައީއެވެ. އެންމެ ފުރިހަމަ އިންސާނަކު ނޫޅޭނެއޭ ބުނާ ބުނުން އަހަރެން ދޮގުކުރީ ސާއިދުގެ ސަބަބުންނެވެ. އޭނާގެ ފަރާތުން ފެންނަ ރީތި އަޙުލާގުގެ ސަބަބުންނެވެ. އަހަރެންގެ ޢާއިލާގައި ހަމައެކަނި ތިބި ބަޔަކީ އަހަރެންގެ ދައްތައާއި އޭނާގެ ފިރިމީހާއެވެ. އެމީހުންނާ ސާއިދު ބައްދަލުކޮށްދޭން ނިންމީ ޒަވާޖީ ހަޔާތެއް ފެށުމަށް ސާއިދު އެދެން ފެށުމުންނެވެ. ދެމީހުންނަށް އެކަކު އަނެކަކުދެކެ މާބޮޑަށް ލޯބިވެވި އެ ޖަޒުބާތުގައި ގައިގޯޅިވެ ނަހަމަ ގުޅުމެއް ދެމެދުގައި ހިނގާފާނޭ ހީވަނީއެވެ. އެހެންވެ އެފަދަ ނުބައި ޢަމަލަކުން ސަލާމަތްވުމަށް ޓަކައި ސާއިދު ޚިޔާލު ދިނީ އަވަހަށް ކައިވެނި ކުރުމަށެވެ. އެ ޚަބަރާއެކު އަހަރެންގެ ދައްތަ ޒީނިޔާއާ ސާއިދު ބައްދަލުކޮށްދިނީމެވެ. އެ ދެމަފިރިންނަށް ސާއިދު ކަމުދިޔައެވެ. ކައިވެނިކުރާން ތިބި ދެމީހުން ހުއްޓުވާކަށް ދައްތަމެން ވެސް ބޭނުމެއްނޫނެވެ. އެމީހުން ވެސް އެދެނީ އަހަންނަށް އޯގާތެރި ލޯބިވާ ޒުވާނަކާއެކު އުފާވެރި ދިރިއުޅުމެއް ލިބުމެވެ.

އަހަންނާއި ސާއިދުގެ ލޯބީގެ ގުޅުމަށް ތިންމަސް ވީއިރު ދެ މީހުން ތިބީ ދެމަފިރިންނަށް ވެގެންނެވެ. ކައިވެނީގެ ގޮށް ޖަހާލައިގެންނެވެ. އަހަރުމެން ދިރިއުޅެމުން ދިޔައީ މާލޭއިން ދެ ކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެންނެވެ. ސާއިދުގެ ކިޔެވުން ހުއްޓާލާފައި އަހަންނާ ކައިވެނިކޮށް ވަޒީފާއަށް ނުކުންނާން ފެށީއެވެ. އަހަރުމެންގެ ކައިވެންޏަށް ހަތަރު މަސް ފުރޭން ކައިރިވެފައި ވަނިކޮށް ސާއިދުގެ ބައްޕަ ބަލި އެނދުގައި އޮވެފައި މި ދުނިޔެއާ ޢަލްވަދާޢުކީއެވެ. އެއާއެކު ބައްޕަގެ މުދާ ބެހުމަށް ސާއިދު އިސްނެގުމުން އަހަންނަށް އެކަން ކަމަކު ނުދިޔައެވެ. އެ ބައްޕަ ނިޔާވިތާ ދެ މަސް ނުވަނީސް މުދަލައިގެން އުޅޭ މީހަކަށް ސާއިދު ވެދާނޭ ހިތަށް ވެސް ނާރައެވެ. މަޑުމަޑުން ހުރިހާ ކަމެއް ބަދަލުވާން ފެށީ ދެނެވެ.

ކައިވެންޏަށް އެއް އަހަރު ފުރުނުއިރު އެކަން ސާއިދު ހަނދާން ހުރި ހެނެއް ހިޔެއްނުވެއެވެ. “އެނިވާސަރީ” ފާހަގަ ކުރުމަށް ކޭކެއް ގަނެ ސާއިދުއަށް އެންމެ މީރުވަސް ދުވާ ސެންޓުފުޅި ހަދިޔާގެ ގޮތުގައި ތައްޔާރުކުރީމެވެ. ނަމަވެސް އެރޭ ސާއިދު ހުރީ ކޮންތާކު ކީއްކުރާންކަމެއް އަހަންނަކަށް އަދިވެސް ނޭނގެއެވެ. އިންތިޒާރުގެ ވަގުތުތައް ގުނަގުނާ އިންދާ ނިދުނީއެވެ. ހޭލެވުނީ އެނދުމައްޗަށް މީހަކު ޖެހިގަތީމައެވެ. ސިހިފައި ހޭލެވުނު ގޮތަށް އަހަންނަށް ގަޑި ބަލާލެވުނެވެ. އެކަންވީ ސާއިދު ނުރުހޭ ކަމަކަށެވެ. އަނގައިން ބުނުމެއްނެތި އަހަންނަށް އޭނާއަށް ފާޑުކިޔުނީ ކަމުގައި ވިއެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ސާއިދު އުޅެގަތީ އިންސާނަކު ހަމަހޭގައި އުޅެދާނޭ ހީ ވެސް ނުކުރާ ފަދަ ގޮތަކަށެވެ. ރުޅި އައިސް ރަތްވެފައި ހުރެ ހަޅޭލަވަން ފެށިއެވެ. ފައިސާ ބޭކާރު ކުރާކަށް ކީއްކުރަން ގަތް ކޭކެއްތޯ ކިޔާ ކޭކު ނެގި ގޮތަށް ފާރަށް ޖެހީއެވެ. އެއްފަހަރު ވެސް އެ ކޭކަށް ބަލާ ވެސް ނުލައެވެ. ހަދާނޭ ގޮތެއް ނޭނގި އެނދުން ތެދުވަން ނުކެރިފައި އިންދާ ޝައިތާނަކު ފަދައިން އަހަންނަށް ފުރަތަމަ ފަހަރަށް ސާއިދު ހަމަލާ ދިނެވެ. ކަންފަތްމަތީ ދެތިން ފަހަރަށް ޖަހާ އެނދުމަތިން ދަމާ ތަޅުންމައްޗަށް ވައްޓާލިއެވެ. އަނިޔާ ކުރުމަށްފަހު ވަލުޖަނަވާރުން އުޅޭހެން އެއްވެސް ގޮތެއް ފޮތެއްނެތި ތަޅުންމަތީ އަހަރެންގެ ދެއަތް ފުރަގަހަށްލުމަށްފަހު ސާއިދުގެ ކަރުހިއްކުން ފިލުވާލީ އެއްވެސް އޯގާތެރިކަމެއްނެތިއެވެ. ހީވީ އަހަންނަށް އަޒާބެއް ދިންހެނެވެ.

ސާއިދުގެ ޠަބީޢަތަށް އެ އަންނަ ކުއްލި ބަދަލުތަކުގެ ސަބަބެއް ދެނެގަންނާކަށް އަހަންނަކަށް ނޭނގެއެވެ. އަނިޔާ ކުރެވުމުން ފަހުން ދެރަ ވެސް ވެއެވެ. އަނިޔާ ނުކުރާނަން ކަމަށް ވެސް ބުނެއެވެ. ލޯބިވާ ވާހަކައާއި އަހަންނާއެކު މުޅި އުމުރު ހޭދަކުރާން ބޭނުންވާ ކަމުގައި ވެސް ބުނެއެވެ. އަހަންނަށް ނުވެސް އެނގި ވަޒީފާއިން އަހަރެން ވަކިވާން އެދޭ ކަމުގެ ފޯމު ލިއެވެ. އެކަން އެނގިގެން އަހަރެން ސުވާލުކުރުމުން ފުރަތަމަ މަތިއޮމާންކޮށްލީއެވެ. އަހަންނާއެކު ގިނަވަގުތު ހޭދަކުރާން ބޭނުންވާ ކަމާއި އަހަރެން މަސައްކަތް ނުކުރިޔަސް ސާއިދަށް ލިބޭ އާމްދަނީއިން ހުރިހާ ޚަރަދެއް ބެލެހެއްޓޭނެއޭ ބުންޏެވެ. ހަމައެއާއެކު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރާ ކަހަލަ ޚިޔާލެއް ގެންގުޅޭ ވާހަކަ ވެސް ބުންޏެވެ. އެ ދުވަހެއް ނައެވެ. އޭނާ ދެން އެދުނީ އަހަރެން ބުރުގާ އެޅުމަށެވެ. ރައްޓެހިންނާއެކު ބޭރަށް ދިއުން އެއީ އެހާ މުހިންމު ކަމެއް ނޫންކަމަށް ބުނާން ފެށިއެވެ. އަހަރެންގެ ހުރިހާ މީހަކީ ވެސް ސާއިދުކަމުގައި ދެކިގެން އުޅުމަށް ބުންޏެވެ. ލިބޭ އަނިޔާގެ ސަބަބުން ދައްތަމެން ގާތަށް ދާކަށް ވެސް ނުކެރެއެވެ. މީހަކު ގާތުގައި ފިރިމީހާގެ ވާހަކަ ދައްކާކަށް ވެސް ނުކެރުނެވެ. މޮޅަށް ކިޔަވައި ކިތަންމެ ހޭލުންތެރި ނަމަވެސް އަމިއްލަ ދިރިއުޅުމަށް ހައްލެއް ހޯދާކަށް ނޭނގުނެވެ. ސާއިދުއަކީ ވެސް ތަންދޮރު އޮޅުން ނުފިލާ ޒުވާނެއް ނޫނެވެ. އޭނާ ވެސް ހުރީ ކިޔަވައިގެންނެވެ. ދުނިޔޭގެ ކަންކަމަށް ހޭލެވިފައެވެ.

ފަހުން ފަހުން އައިސް އަނިޔާކޮށްލާއިރު އަހަރެންގެ އަމިއްލަ ފުރާނައާމެދު ވެސް ބިރުގަންނަ ހިސާބަށް ދެއެވެ. އެނދުދާންކުރުމުގައި އަނިޔާވެރިވުމަކީ ސާއިދުގެ ލޭ ހޫނުވެ އިތުރު އަރާމެއް ލިއްބައިދޭ ކަމަކަށްވިއެވެ. އަހަރެން ހުއްޓުން އަރާފައި ކުރާނޭ ކަމެއް ނޭނގި ހުރެވޭ ވަގުތުތައް ގިނަވިއެވެ. ސާއިދުދެކެ ކިތަންމެ ލޯބިވިޔަސް އަނިޔާތައް ފަސޭހަވާންދެން އަހަރެން ދައްތަގެ ގާތަށް ދިޔައީމެވެ. ދައްތަގެ ދެވަނަ ދަރިފުޅު ވިހައިގެން އުޅޭތީވެ އަހަރެންގެ ހަށިގަނޑަށް ލިބޭ ވޭން ކުޑަވިއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި ހުރި ނިޝާންތައް ދައްތައަށް ނުފޮރުވުނެވެ. ރޮއެފައި ސާއިދަށް އައިސްގެން އުޅޭ ބަދަލު ކިޔައިދިނީމެވެ. ހިތުގައިޖެހި އިންތިހާއަށް ލަދުވެތިވެފައި އިނދެއެވެ. އެނބުރި ސާއިދުގެ ގާތަށް އަހަރެން ފޮނުވާކަށް ދައްތަ ބޭނުމެއްނުވިއެވެ. ނަމަވެސް އަހަރެންގެ ޚިޔާލު ބަދަލުވީ ސާއިދުގެ ދަރިއަކަށް އަހަރެން ބަލިވެ އިންކަން އެނގުމުންނެވެ. ސާއިދު ވެސް އުފަލުން އުޅުންއިރު އަހަރެން ލޯބިވި ސާއިދު އަދި ނުގެއްލޭކަން އަހަންނަށް އެނގުނެވެ.

ދަރިއަކު ލިބެން އުޅޭތީ ސާއިދު ބަދަލުވެދާނޭ ކަމަށް ހީކުރެވުން އެއީ އަހަންނަށް ހެދުނު ގޯހެކެވެ. އޭނާއާއެކު އެނބުރި އަހަރުމެން ދިރިއުޅޭ އެޕާޓްމެންޓަށް ނައިނަމަ މިއަދު އަހަރެންގެ އަނދިރިވަމުން އައި ހަޔާތް އަލިކޮށްދޭނޭ ދެ ދަރީން އޮންނާނެއެވެ. އެ ނަސީބު ވެސް ގެއްލުނީ ސާއިދުގެ ސަބަބުންނެވެ. ބަލިވެ އިންކަން އެނގުނީ ބަނޑަށް ދެމަސް ވަނިކޮށެވެ. ޑަކްޓަރު ލަފާ ދިނީ ދެމަފިރިންގެ އެދުންތައް ކުޑަ ދުވަސްކޮޅަކަށް ހިފަހައްޓާލުމަށެވެ. ހޮސްޕިޓަލުން ގެއަށް އައީ އެކަމާ ސާއިދު ވެސް އެއްބަސްވެގެންނެވެ. އެ އެއްބަސްވުން ދެމި އޮތީ އެއްމަސްދުވަހުއެވެ. އޭނާ ގާތްވިޔަ ނުދިނުމުން އަހަރެންގެ ބަނޑުގައި ކޮޅުންފައިން ޖަހާ ކޮށްޕާލީއެވެ. ދެތިން ފަހަރަށް އަރިކަށީގަޔާއި ބަނޑުކޮޅުގައި ކޮޅުފައިން ޖެހުމާއެކު އޭނާގެ އާދައިގެ މަތީން ބަނޑުވަތަށް އަހަރެން ބާއްވާ އޭނާ ހިތްފުރޭވަރު ކުރިއެވެ. ފިރިމީހާއެއްކަމަކު އެ ކުރަނީ ރޭޕްކަން އަހަންނަށް އެނގެއެވެ. ގަޑިއެއްހާއިރު ތަޅުންމަތީ އޮވެފައި ތެދުވާނޭ ހިތްވަރު ލިބިގެން ތެދުވެވުނު ހިނދު އަހަރެންގެ ދަރިފުޅު ނެތްކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ތަޅުންމަތީ ހިކެމުންދާ ލޭތަށް ފެނުނީ ދެނެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީން އެ ކުޑަކުޑަ ފުރާނަ ޤަތުލު އެކުރީ ޚުދު ސާއިދުގެ އަތުންނެވެ. ދިރިއުޅުން މަތީން ފޫހިވެ ދިރިހުރުމަށް ވެސް އަހަރެން އުންމީދު ކަނޑާލީއެވެ. ސާއިދު ހެދިގޮތެއް ހެދިގެން މަސްގަނޑެއްހެން ހުންނަނީއެވެ.

ދެއަހަރު އެގޮތް މިގޮތުގައި ވޭތުވެގެންދިޔައީއެވެ. އަހަރެން ދެވަނަ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ. އެކަން ދައްތައަށް އެނގުމާއެކު އަވަހަށް އައިސް އަހަރެން ގޮވައިގެން އެ ގެއަށް ގެންދިޔައީއެވެ. އެކަމާ އެއްޗެއް ބުނާކަށް ސާއިދު ބޭނުމެއްނުވިއެވެ. އޭނާ ކުރާ ކަމެއް ކުރަނީ އަހަންނަށެވެ. ދައްތަމެންނާ ޒުވާބެއް ނުކުރެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އެ ރުޅިގަނޑު ފިލުވާލަން ބޭނުންކުރާ ވަޞީލަތަކީ އަހަރެން ކަހަލައެވެ. ނަމަވެސް މަޑުމަޑުން ސާއިދު އަނެއްކާ ވެސް ކުރީގެ ސާއިދަށް ބަދަލުވާން ފެށިއެވެ. ދައްތަމެންގެއަށް އަހަންނާ ބައްދަލުކުރާން އައިސް އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހަދަންފެށިއެވެ. ހަމައެއާއެކު އަހަރެން ވިހަންވާއިރަށް އަހަރުމެންގެ ދަރިފުޅަށް ބޭނުންވާނޭ އެއްޗެހި ހޯދާ ހަމަކުރާން ފެށިއެވެ. އަހަރެންގެ ހިތުގައި ސާއިދުއަށް ޓަކައި ވާ ލޯބި އޭނާގެ ފުށުން ލިބުނު އަނިޔާއަށް މަޢާފުކުރިއެވެ. އަހަރެންގެ ދައްތަ ގާތުގައި ވަޢުދުވުމާއެކު އަހަންނަށް ކުރެވުނު އަނިޔާއަށް މަޢާފަށް ވެް ސާއިދު އެދުނެވެ.

ވިހަންވީ ވަގުތު ޖެހުނުއިރު އަހަރެންގެ ގާތުގައި ސާއިދު ހުއްޓެވެ. ހިތްއަވަސްވެފައި ހުރި މީހަކު ފަދައިންނެވެ. ވިހާތޯ އުޅުއުޅެ ނުވިހާނޭކަން ޔަގީންވުމުން ސީސެކްޝަނެއް ހެދުމަށް ޑަކްޓަރު ނިންމިއެވެ. އެންމެ ފަހުވަގުތާ ހަމައަށް ވެސް ސާއިދު އަހަރެންގެ ގާތުގައި ހުއްޓެވެ. އޭނާ ވަރަށް ލޯބިވާކަން ކޮންމެ ނޭވާއަކާއެކު ބުނެލައެވެ.

ލޯބިލޯބި އަންހެންކުއްޖަކު ދުނިޔެއަށް ނޭވާލީއެވެ. ސާއިދުގެ ދެ ލޮލުން ކަރުނަ ފާޅުވިކަން އެވަގުތު އެތަނުގައި ތިބި އެންމެން ވެސް ދުށްޓެވެ. އެއީ އޯގާވެރި ބައްޕައަކަށް ވާނޭ އެންމެން ވެސް ހީކުރާނެއެވެ. އިންސާނުންނަށް އިތުބާރުކުރާނޭ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ދަރިފުޅު ގޮވައިގެން އަހަރެން ބަދަލުވީ އަހަންނާއި ސާއިދު ދިރިއުޅޭ އެޕާޓްމެންޓަށެވެ. ސިޒޭރިއަންއަށްފަހު ތެދުވެ އުޅުން އުނދަގޫ ނަމަވެސް ދަރިފުޅުގެ ކަމެއް ސާއިދު ކުރާކަށް ބޭނުމެއްނުވެއެވެ. އެކުއްޖާ އުރާލާކަށް ވެސް ބޭނުމެއްނުވެއެވެ. ބައެއްފަހަރަށް އަހަރެން ވިހޭ ދަރިއަކީ ސާއިދުގެ ދަރިއެއްކަމަށް އޭނާ ޤަބޫލުނުކުރަނީބާއޭ ވެސް ހިތަށް އަރައެވެ. އެކަމާ ސުވާލެއް ކުރިޔަސް ޖަވާބެއް ނުދެއެވެ.

އެގޮތުގައި ދުވަސްކޮޅެއް ހޭދަވެގެން ދިއުމަށްފަހު އަނެއްކާ ވެސް އަހަރެންގެ ކުރިމަތީ ހުރީ އަހަރެންގެ ލެއަށް ފެންބޮވައިގަނެފައި ހުރި ޝައިތާނާއެވެ. އަހަރެން ލޯބިވެގެން ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އިޚުތިޔާރުކުރި ސާއިދެއް ނޫނެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭއަންނާންދެން މޫނުގައި ތެޅުމަށްފަހު ސާއިދު ނުކުމެގެން ދިޔައީއެވެ.

އޭނާގެ އެއްވެސް ޚަބަރެއް ނުވާތާ ތިންދުވަސްވީ ފަހުން އެނބުރި ގެއަށް އައެވެ. އައިއިރު ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ސާއިދުގެ ކޮންމެ އަނިޔާއަކާއެކު އަހަރެންގެ ހަށިގަނޑުގައި ލަމުންދިޔަ ލަކުނަށްވުރެ ނަފްސާނީ ގޮތުން އަހަންނަށް އިހުސާސްކުރެވޭ ނުކުޅެދުންތެރިކަން އިތުރުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އޮތް އިތުބާރު ކަނިވެ ނިވިއްޖެއެވެ. އަހަންނަށް އެއްވެސް އިހުސާސެއް ފާޅެއް ނުކުރެވުނެވެ. ސާއިދުގެ ވާހަކަ ނިމޭންދެން ދަރިފުޅު އުރާލައިގެން ހުރެވުނީއެވެ. އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯތްބެއް ސާއިދަކަށް ނުދެވޭނޭކަން އަހަރެން ނިންމީ އެ ދުވަހުއެވެ. އެއާއެކު އޭނާ ދޫކޮށްދާން އަހަރެން ވިސްނީމެވެ. އެގޮތުން ސާއިދު ބޭނުންނަމަ އެހެން މިހަކާ އިނަސް އަހަރެންގެ މައްސަލައެއް ނެތްކަމުގައި ބުނެ އެކަމުގެ ހުއްދަ ވެސް ދިނީމެވެ. ދެކެވުނު ވާހަކައަކީ އޭނާ ގަޔާވާ ވާހަކައެއްނޫންކަން އެނގުނީ ކުއްލިއަކަށް އަހަރެންގެ ކަރުގައި ވަށާލި އޭނާގެ ބާރުގަދަ އަތުންނެވެ. ނޭވާ ނުލެވިގެން އޯކާދެމޭވަރަށް ކަރަށް ބާރުކޮށްލުމާއެކު ސާއިދު އިންޒާރު ދިނީ ދުވަހަކު ވެސް އެހެން އަންހެނަކާ އިންނާށޭ ނުބުނުމަށެވެ. އޭނާ ބޭނުންވަނީ އަހަރެންނެވެ. އެކަމަކު އޭނާގެ ހިތްފުރޭވަރު ކޮށްދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ސާއިދުއަށްވުރެ އަހަންނަށް ދަރިފުޅު މުހިންމެވެ. އެކުއްޖާ ސާއިދު ކަހަލަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާފައި ކަށްވަޅުގައި ވެސް އަހަންނަށް ނޯވެވޭނެއެވެ.

ވިހެއުމުގެ ލޭ މަނާނުވާތީ އެކަމާ ޝަކުވާކޮށް އިތުރު ގޮތެއް ހޯދަން ސާއިދު ބޭނުންވިއެވެ. ސާއިދުއަކީ އަހަރެންގެ ފިރިމީހާއަށް ވިޔަސް އޭނާއަށް ލަޢުނަތްލެއްވުމަށް ދުޢާ ކުރި އަތްބަކަށް އަހަރެން ވާނެއެވެ. އޭނާ ގަދަބާރުން އަހަރެންގެ ފުރަގަސްފަރާތް ބޭނުންކުރާން އުޅުމުން ފުރަތަމަ ފަހަރަށް އިސްވެ އޭނާގެ ގައިގާ ތަޅައިގަތީމެވެ. ކޮންމެ ފަދަ އަނިޔާއެއް ލިބުނަސް ހެޔޮކަމަށެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލީ ރޮއެގަތް ދަރިފުޅެވެ. އެ ދަރިފުޅާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު އަހަރެން ހަޤީޤަތުގައި ވެސް ހުރީ އެ ދަރިފުޅު ގޮވައިގެން ސާއިދުގެ ކިބައިން ފިލަން ބޭނުންވެ އެ ނިންމުގެ މަތީ ސާބިތުވެއެވެ. ދަރިފުޅުގެ ގައިގާ އަތްލެވުމުގެ ކުރީން ސިންގާއެއް ފަދައިން އަހަރެންގެ ފުރަގަހުން ސާއިދު އައިސް ދިމާކުރީއެވެ.

ޚިޔާލުތަކުގެ ދާވަނިން ސޮއްސާލައިގެން ހަޤީޤަތުގެ ތެރެއަށް އަހަރެން ވައްޓާލިއިރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެތައް އަހަރަކު ތަޙައްމަލު ކުރަމުން އައި ވޭންތަކުގެ އިހުސާސް ކުރެވުނީ އަދިކިރިޔާ ކަހަލައެވެ. އެ ވޭނަށް ކެތްކުރާން ދަތިވެއްޖެއެވެ. ފުންމިން ނޭނގޭ އަނދިރިކަމެއްގެ ތެރެއަށް ނަފްސު ޣަރަގުވެގެން ދާހެން ހީވާންފެށިއެވެ.

“ޒާރި!… ބަލަ ޒާރި!… ލޯހުޅުވާލަބަލަ” އަހަރެން ބާރަށް ރޮމުންދިޔައިރު ގާތުގައި ހުރި ދައްތަ ކަންބޮޑުވެފައި އަހަންނަށް ގޮވަމުންދިޔައެވެ. ގިނައިރެއްނުވެ ޑަކްޓަރުންނާއި ނަރުހުން ވެސް އަތުވެއްޖެއެވެ. ދައްތަގެ އަތުގައި އަހަރެން ހިފާލަމުން ލޯހުޅުވާލީމެވެ. ވަށައިގެންވާ މީހުންނަށް ބަލާލުމާއެކު ފުރަތަމަ ފަހަރަށް އެހީއަކަށް އަހަރެން ގޮވާލީމެވެ. ސަލާމަތްކުރުމަށް އެދި އާދޭސްކުރެވުނެވެ. އެއާއެކު ދައްތަގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފާޅުވިއެވެ.

ސާއިދުއާ ވަކިވިއިރު ލޯތްބާ މެދު އޮތް އިތުބާރު ގެއްލި އަހަރެންގެ މުޅި ޙަޔާތް ހާވިޔާވެ ނިމިއްޖެއެވެ. ކަމާބެހޭ މުޢައްސަސާތަކާއި ގުޅިގެން އަހަންނަށް އެހީތެރިކަމާއި ރައްކާތެރިކަން ދައްތައާއި އޭނާގެ ފިރިމީހާ ހޯދާދިނެވެ. ދަރިފުޅު ހުންނާނީ އަހަރެންގެ ގާތުގައި ކަމުގައި ކޯޓު މެދުވެރިކޮށް ނިންމިއެވެ. އެނބުރި އަހަރެންގެ ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމަށް ނަފްސާނީ ބަލިކަށިކަން ހުރަސް އެޅިއެވެ. ﷲގެ ވާގިފުޅާއެކު ނަފްސާނީ ކަންކަމަށް ޚާއްޞަ ޑަކްޓަރުންގެ އެހީއާއި އަހަރެންގެ ޢާއިލާގެ އެއްބާރުލުމާއެކު މި ދަތި ދުވަސްތައް ނިމުމަކަށް އަންނާނެކަމުގެ އުންމީދުގައި އަހަރެން ހުރީމެވެ.

~ ނިމުނީ ~

Leave a Comment

Your email address will not be published. Required fields are marked *