ޝަބާގެ މޫނު ސަމީރާއަށް ފެނުމާއިއެކު އެމޫނަށް އައިސްފައިވާ ބަދަލުތައް ދެނެގަންނާކަށް އުނދަގޫކަމަކަށް ނުވިއެވެ. ކުއްލިއަކަށް ސަމީރާއަށް ޝަބާގެ އަތުގެ މުލައްދަނޑީގައި ހިފާލެވުމާއިއެކު އަވަސް ނަޒަރެއް ނާއިލު އާއި ޝަބާގެ މެދުގައި ބަދަލުކޮއްލެވުނެވެ. އަދި ހުރި ދިމާލުން އެއްފަރާތަކަށް ޖެހިލަމުން ޝަބާގެ އަތުގައި ހިފާ އޭނާގެ ކުރިމައްޗަށް ގެނެއެވެ. އޭރު ނާއިލުއަށް ޝަބާގެ ބަދަލުގައި ފެންނަން ހުރީ އޭނާގެ މަންމަގެ ފުރަގަހެވެ.
“ދަރިފުޅަށް ކަމެއްވީތަ؟ ކާމޭޒުދޮށުގައި އިނދެފަ ދިޔަ ޝަބާއެއް ނޫން މަންމައަށް މިހާރު ފެންނަނީ، ބުނެބަލަ، ކަމެއްވީތަ، މީހަކު އެއްޗެއް ބުނީތަ… ނާއިލުތައް” ސަމީރާގެ ދުލުން ނާއިލުގެ އަޑުއިވުމާއިއެކު ޝަބާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. ސަމީރާވެސް ކަންބޮޑުވީ އޭނާއަށް ޝަބާގެ ދެލޮލުން ރޮއެފާހުރިކަމުގެ އަސަރު ފާޅު ވޭވޭ ހުރުމުންނެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަޑުންވެސް މެއެވެ. ކައިވެނީގެ ފުރަތަމަރޭ އެދަމިރިން ހޭދަކުރީ ކިހިނެއްބާއޭ ސަމީރާގެ ހިތް ސުވާލު ކުރަމުންދިޔަސް އެއީ އޭނާ އަހައިގެންވާނެ ސުވާލެއްނޫންކަން އޭނާގެ ޒަމީރު ވިސްނާދިނެވެ. ނާއިލު އާއި ޝަބާ އާއި ދެމެދު އެހާ އަވަހަށް މައްސަލަ ޖެހުނީ ބާއޭ ސަމީރާގެ ހިތަށްއެރިއެވެ. އަދި ޝަބާ އޭނައަށް ސިއްރުކުރަނީ ކޮންކަމެއްބާއެވެ.
“ދަރިފުޅު ރޮއެފަ ތިހިރީ، ބަލާބަލަ ތިހިރަ ދެލޮލެއް… ރޯވަރުގެ ކޮންކަމެއްތަ ދިމާވީ، ނިކަން މަންމަ ގާތު ބުނެބަލަ” ސަމީރާއަށް ޝަބާގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލެވުނެވެ. ކަންބޮޑުވި ވަރުންނެވެ.
ތަންކޮޅެއް ދުރުގައި އިން ނާއިލުއަށް ފެންނަނީ އޭނާގެ މަންމަ ޝަބާގެ އަތުގައި ހިފާތަޅުވާލިތަނެވެ. މަންމަ އާއި ޝަބާ ދައްކަނީ ކޮންވާހަކައެއް ކަމެއް އޭނާއަކަށް އަޑެއްނީވެއެވެ. އެހެންނަމަވެސް އެދެމީހުން ކޮންމެވެސް ވާހަކައެއް ދައްކަނީކަން ގައިމެވެ. ސުވާލުތަކުން ފުރިފައިވާ ނާއިލުގެ ސިކުނޑިއަށް އިތުރު ހިޔާލުތައް ވަންނަންފެށިއެވެ. މަޑުމަޑުން ނޭނގޭފަދަ ގޮތަކަށް ބޯއަރިކޮއްލީ އޭނާއަށް ސަމީރާގެ ކުރިމަތީގައި ހުރި ޝަބާ ފެނޭތޯއެވެ. ހަމައެވަގުތު ޝަބާވެސް ސަމީރާގެ ކުރިމަތީގައި ހުރެ ކުޑަކޮށް އެއްފަރާތަކަށް ޖެހިލަމުން ނާއިލު އިން ދިމާލަށް ބަލާލިއެވެ.
“މަންމާ، އަޅުގަނޑަށް އެއްވެސް ކަމެއްނުވޭ، ކަމެއް ގޯސްވެގެން ނޫޅެން، މީ ހާދަ ރީތި މާތަކެކޭ، މަންމަ އެކަނިތަ މިހުރިހާ ގަސްތަކެއް ބަލަހައްޓަނީ، މީ މަންމަ ހުސްވަގުތުގަ ކުރާކަމެއްތަ” ނާއިލު އާއި ވަކިކޮއްލި ނަޒަރު ސަމީރާ އާއި އަމާޒުކޮއްލަމުން ޝަބާ ވާހަކަދެއްކިއެވެ. ޝަބާގެ މޫނުމަތިން ފެނުނު އަސަރު އޭނާ ނިވާކޮއްލީ އޭނާގެ ބަސްތަކުންނެވެ. ސަމީރާގެ ހާސްވެފައި ހުރި މޫނުމަތިން ހިނިތުންވުމެއް ފެނިގެންދިޔައެވެ. މިނޫނީ ޝަބާ އެވަރަށްވެސް އެއްޗެއް ނުބުނެއެވެ. އެހެންވެ ސަމީރާވެސް ބޭނުންވީ ޝަބާ ބޭނުންވި ގޮތަށް އިތުރަށް އެވާހަކަ ނުދައްކާ މަޢުލޫ ބަދަލުކޮއްލާށެވެ.
ސަމީރާ އާއިއެކު ޝަބާ އުޅޭގޮތް ވަރަށް ރަނގަޅަށް ބަލަމުން ނާއިލު ދިޔައެވެ. އޭނައަށް އެހިޔާލެއް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ހިތަށް އެހެންއަރަންވީ ކީއްވެގެންތޯ ސުވާލު ކުރުމާއިއެކު ވަގުތުން ޖަވާބުވެސް އަތުވެއްޖެއެވެ. އެހެންމީހަކަށް ނުފެނުނަސް އޭނައަށް ފެނުނީ ގަސްތަކުތެރޭގައި ސަމީރާ އާއިއެކު ހަރަކާތްތެރިވާ މަނާރުއެވެ. އެލޯބި ލޯބި ހިނިތުންވެލުމެވެ. ދޭތެރެއަކުން މަންމަގެ ގާތުގައި ހުރެފައި ސިއްރުން އެބަލާލާ ޖާދުވީ ބަލާލުމެވެ. ނާއިލުގެ ތުންފަތް ކުޑަކޮށް ހިނިތުންވެލުމަށް ހަރަކާތްކޮއްލިއެވެ. ހުދުކުލައިގެ ތުނި ޓޮޕުކޮޅާއި ގަދަނޫކުލައިގެ ޖިންސުފޮތީގެ ސޯޓުގައި މަނާރް ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ފެންޖަހާ ފުޅިން ގަސްތަކަށް ފެންދެމުން ދިޔައިރު ނާއިލުއަށް ސަމާސާކޮއްލަމުން އޭނަ އާއި ދިމާލަށް ފުޅި ދިއްކޮއް ފިތާލުމުން އޭނގެން ނުކުތް ފެންތިކިތަށް ފަޒާގެ ތެރެއަށް ބުރައިގެން ގޮސް ހިނދުނެވެ. އަދި މަނާރްގެ އެކިވަރުވަރަށް ކޮށާލެވިފައިވާ އިސްތަށިތައް އޭނާއަށް އުނދަގޫ ކުރަން ފެށުމުން، އެއިސްތަށިތަކުން ސަލާމަތް ވުމަށް ދެފަރާތަށް ބޯތަޅުވާގޮތުން ނާއިލުގެ ހިތަށް އެވާގޮތް ބަޔާންކުރަންވެސް ދައްޗެވެ. މަނާރް ނާއިލުގެ ގާތަށް އަންނަން ފެށުމުން ފުންނޭވާއެއް ބޭރުކޮއްލަމުން އޭނާ އިސްޖަހާލަމުން ހިނިތުންވެލިއެވެ. މަޑުމަޑުން އިސްއުފުލާލެވުނުއިނުއިރު އޭނާގެ ކުރިމަތީގައި ހުރީ މަނާރްއެއް ނޫނެވެ. މޫނުމަތީގެ ކުލަވަގުތުން ބަދަލުވާން ސިކުންތެއްވެސް ނުނަގައެވެ. ޝަބާއަށް ހައިރާންކަން ލިބުނެވެ. މީގެ ކުރިން ސަމީރާގެ ގާތުގައި އޭނަ ހުރިއިރު ނާއިލު އޭނައަށް ހިނިތުންވެލިއެވެ. މިހާރު އައިސް ކައިރިއަށް ހުއްޓުމުން ނާއިލުގެ މޫނުމަތިން ފެނުނީ މުޅިން އެހެން ކަމެކެވެ. އަޖައިބެއްފަދަ ފިރިހެނެކެވެ.
“މަންމަ ދެންދަނީ، ރޭގަ މާލަސްވީމަ ޕާޓީ ބޭއްވި ހޯލްތެރެވެސް އެއްކޮށް ސާފުނުކޮށް އޮންނާނީ” ޝަބާގެ ކޮނޑުގައި ފިރުމާލަމުން ސަމީރާ ބުންޏެވެ. އޭނާ އައިސް ހުއްޓުނީ ޝަބާގެ ގާތުގައި ނާއިލުގެ ކުރިމަތީގައެވެ.
“އަޅުގަނޑު ދަންތޯ މަންމައަށް އެހީވާން” ޝަބާ ނާއިލުގެ ކުރިމަތިން ދުރަށް ދިއުމުގެ ގަސްދުގައި ބުނެލިއެވެ.
“ނޫނޭ، އެކަން ކުރާނެ މީހުން އުޅޭނެ އެތަނުގަ، މަންމަ މިދަނީ އެކަންތައްތައް ކުރިއަށްދާގޮތެއް ބަލާލަން، ދަރިފުޅު ނާއިލު ގާތު މަޑުކޮއްލާ” މިހެން ބުނެ ސަމީރާ ހިނގައިގަތީ އެމީހުންނާއި ދުރަށެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ނާއިލު އާއި ޝަބާ ތިބިއިރު ކުރިން ވާހަކަދެއްކީ ޝަބާއެވެ. އޭނަ ނާއިލުގެ ގާތުން ކޮޓަރިއަށް ދާންވީތޯ އެހިއެވެ. ނާއިލު އަވަސް އަވަހަށް ހޫން ލައްވާލުމުން ޝަބާ ނާއިލު ގޮވައިގެން އައިސް ވަނީ ކޮޓަރިއަށެވެ. އަދި އޭނާގެ ހުޅުވާފައި ހުރި ފޮށިފެނުމުން ދެން ކުރަންވީ ކޮންމަސައްކަތެއްކަން އޭނާއަށް އެނގުނެވެ. ކޮޓަރީގެ އެއްފަރާތުގައި ދެންވެސް ނާއިލު އިނީއެވެ. ނޭނގޭގޮތަށް ޝަބާ އުޅޭގޮތް ބަލަންށެވެ. ހެދުންލާ އަލަމާރި ޝަބާ ހުޅުވާލިއިރު ދެދޮރުފަތް ހުރި ބައިގަވެސް ހުރީ ނާއިލުގެ ހެދުންތަކެވެ. ގަމީހާއި ޓީޝާޓެވެ. ތަރުތީބުކޮށް ފޮށިފޮށީގައި ހުރި ބޫޓުތަކެވެ. އާދައިގެ ލާ އެއްޗިއްސާއި އެކިއެކި މުނާސަބަތުތަކަށް ލާ އެއްޗެހި ހުރީ ވަކިންނެވެ. ޝަބާ އޭނާގެ އެއްޗެހި ހުސްކޮށްހުރި ބަޔަކަށް ލިޔެވެ. ނާއިލު ހެދުންތަކާއި އަޅާބަލާއިރު އޭނާގެ އެއްޗެހިން އެންމެ ދޮރުފަތެއްގެ ބައެއްވެސް ނުފުރުނެވެ. ސިއްރުން އޭނާގެ ހަރަކާތްތަކަށް ނާއިލު ބަލަމުންދާކަން ޚުދު ޝަބާއަށްވެސް އެނގެއެވެ. އެހެންވެ ޝަބާގެ ނިކަމެތިކަމަށް ނާއިލު މަލާމާތްކޮއްފާނެއޭ އޭނާގަ ހިތަށްއެރީއެވެ.
ޝަބާގެ ސާމާނުތައް ފެނި އެއީ ކޮންދުނިޔެއަކުން އައިސްފަ ހުރި އަންހެން ކުއްޖެއްބާއޭ ނާއިލުގެ ހިތަށްއެރިއެވެ. އެފަދަ އާދައިގެ ގޮތެއް ހުންނަ އަންހެން ކުއްޖަކު ދުވަހަކުވެސް އޭނާ ނުދެކެއެވެ. ނޫނީ މިހާތަނަށް އައިއިރު ދިމާނުވަނީއެވެ. ވާހަކައެއް ބުނުމުގެ ކުރިން ތުއިވާތަނެއް ނުފެނެއެވެ. ބިމުގައި ފައިނުޖެހިގެން އުޅޭހެން ފުމެފުމެފައެއް ނޫޅެއެވެ. އިރުއިރުކޮޅާ ލައިގެން ހުންނަ ހެދުމަށް ބެލުމެއް ނޫނީ އެހެދުން ގަޔަށް ހެޔޮވަރުކޮއްލުމެއްނެތެވެ. ގުދުރަތުން ދެއްވާފައިވާ ރީތިކަން އިތުރަށް ފުރިހަމަ ކުރުމައްޓަކައި މޭކަޕެއްނުކުރެއެވެ. މޫނުމަތިން ފެންނަ ހިނިތުންވުމުގައި ވަނީ އާދަޔާއި ހިލާފު މަޑުމައިތިރިކަމެކެވެ. ކިތަންމެހާވެސް ތަފާތެވެ. އެހެންނަމަވެސް އެތަފާތަކީ ހިތަށް ނޭނގޭ ފިނިކަމެއް ގެނެސްދޭ ތަފާތުކަމެކެވެ. ދެއްކުންތެރިކަމެއް އެއްވެސް ގޮތަކަށް ޝަބާގެ އެއްވެސް ހަރަކާތަކުން ނުފެނެއެވެ. މީ އަޖައިބެއް ކަހަލަ އަންހެން ކުއްޖެކޭ އޭނާގެވެސް ހިތަށްއެރިއެވެ.
މެންދުރުގެ ވަގުތެވެ. ސަމީރާވަނީ މެންދުރު ފިހާރަތަށް ހުޅުވުމުން ބާޒާރުކޮއްލަން ދާން ނިންމާފައެވެ. ނާއިލު ފެންވަރުވައިގެން މީކާ އޭނާ ނެރުނީ ރީތިވެސްކޮއްގެންނެވެ. ޝަބާވެސް އުޅެނީ ހަމަ އެހާލުގައެވެ. ފާޚާނާއިން ނުކުންނަނީ ތައްޔާރުވެ ބުރުގާވެސް އަޅައިގެންނެވެ. ނަމާދަށް އަރަން ތައްޔާރުވަމުން ދިޔަ ޝަބާއަށް ފާޚާނާއިން ނެރުނު ނާއިލު ފެނުމުން ބަލާލެވުނެވެ. އަދި މަޑުކޮއްލީ މީކާ އެކޮޓަރިން ނުކުންނަންދެންނެވެ.
“ނާއިލު..” މީކާ ކޮޓަރިން ނުކުންނަން ދަމުން އޭނާ އާއިއެކު ދާނީތޯ އަހާލުމަށް ނާއިލުއަށް ގޮވާލިއެވެ. އެއާއިއެކު ނާއިލު މަޑުމަޑުން ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ. އެހެންވެ މީކާ އެކޮޓަރިން ނުކުމެގެން ދިޔައީ އެކަންޏެވެ. މީކާ ދިއުމުން ޝަބާ ތެދުވެ ނަމާދަށް ހުއްޓުނެވެ. އެހެންނަމަވެސް ނަމާދަށް ފެށުމުގެ ކުރިން އޭނާގެ ސިކުނޑިއަށް ވެރިވެގެންދިޔައީ ރާޢިދުގެ ހިޔާލެކެވެ.
ރާއީދުއަކީ ޞާލިޙު ރަނގަޅު މީހެކެވެ. އޭނާ ޝަބާ އާއި ކައިވެނި ކުރިއިރު ޝަބާ ހުންނަނީ މިހާރު އޭނާ ހުންނަ ގޮތަކަށް ނޫނެވެ. ބޮލުގެ އިސްތަށިގަނޑަށް ބަދަލުތަށް ގެނައުމާއި ހެދުން އެޅުމުގައި އެންމެ ފަހުގެ ޒަމާނީ ފަރުމާތަށް އޭނާގެ ހެދުންތަކުން ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން އޭނާއަކީ ދީނީ ކަންތައްތަކަށް އެއްވެސް ސަމާލުކަމެއް ދޭއަންހެން ކުއްޖެއް ނޫނެވެ. އޭނާގެ މިހުރިހާ ސިފައެއް ބަދަލުކޮއްލި ހަމައެކަނި މީހަކީ ރާޢިދުއެވެ. ކޮންމެ ދުވަހެއްގެ ކުރަން ޖެހޭ ހުރިހާ ނަމާދަކަށް ރާޢިދު ދާނެއެވެ. އޭގެ އިތުރުން ގޭތެރޭގައި އިނދެގެންވެސް ޤުރުއާން ކިޔަވާތަން ޝަބާއަށް ފެނެއެވެ. އޭނާ ޝަބާއަށް ނަމާދުކުރުމަށާއި ޤުރުއާން ކިޔަވަން ނަޞޭޙަތްތެރިވެއެވެ. ފުރަތަމަ ބުނުމުން ޝަބާއަށްވެސް ވަނީ ބޮޑުކަމަކަށެވެ. އެހެންނަމަވެސް ފަހުން ރާޢިދު އޭނާގެ ގާތުގައި އެފަދަ ކަންތައްތައް ކުރުމަށް ނުބުނެއެވެ. އޭގެ ބަދަލުގައި އެމީހުންގެ ކޮޓަރީގައި ރާޢިދު ނަމާދުކުރާތަން ފެންނަން ފެށީއެވެ. މިތަން ފެންނަން ފެށުމުން މަޑުމަޑުން ޝަބާގެ ހިތްވެސް އެކަމަށް ދެވެން ފެށީއެވެ. ރާޢީދު އާއިއެކު ވުޟޫކޮއްގެން އައިސް ނަމާދަށް އަރަންފެށުނެވެ. އެއާއިއެކު މަޑުމަޑުން އުޅެވެމުން ދިޔަ ގޮތާއިމެދު ޝަބާއަށް ވިސްނެންފެށުނީއެވެ. ދީނުގައި އަންގަވާފައި ކަންތައްތައް އޮޅުންފިލުވަންވެސް ފެށުނީއެވެ. އަމިއްލައަށް ބުރުގާއަޅަން ބޭނުންވެގެން ރާޢިދުގެ ގާތުން އެކަމުގެ ހުއްދައަށް އެދުނީ ދެމީހުންގެ ކައިވެންޏަށް ދެއަހަރުވެގެން އައި ޙައްޖުދުވަހުގައެވެ. ރާޢިދު މޫނުމަތިން އެދުވަހު ފެނުނުފަދަ އުފާވެރިކަމެއް ޝަބާއަށް އޭގެކުރިން ދުވަހަކުވެސް ނުދެކެއެވެ. އޭގެ ފަހުން ޝަބާގެ ހެދުން އެޅުމަށްވެސް ބަދަލުގެނައީއެވެ. ހަށިގަނޑަށް ދޫކޮށް ހުންނަ ދިގު އަނދިރިކުލަތަކުގެ ހެދުން ހިޔާރުކުރީއެވެ. އެއީ މީހަކަށް އޭނާ ކޮއްދިން ކަމެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ފުރާނަ އާއި ހަށިގަނޑު ތާހިރުކުރުމުގެ ބޭނުމުގަ އާއި ދުނިޔެއަށްވުރެ އާހިރަތުގެ ހަޔާތް ބާއްޖަވެރިކުރުމަށް ބޭނުންވެގެންނެވެ. އޭނައަށް ހެޔޮމަގަށް އާދެވުމުގެ ނަސީބު ލިބުނީ ރާޢިދު ފަދަ ފިރިއެއް އޭނާގެ ހަޔާތަށް އައުމުންނެވެ. ގިބްލައަށް ކުރިމަތި ލައިގެން ހުރި ޝަބާގެ ދެލޯ ފުރުމާއިއެކު ވަގުތުން ދެލޯ ފޮހެލިއެވެ. އަދި ދެހިޔާލެއްގައި ހުރެފަވެސް އޭނާގެ މިހާރުގެ ހަޔާތުގެ ބައިވެރިޔާ އާއި ދިމާލަށް އެނބުރުނީ އެދުވަހު ރާޢިދު އޭނައަށް ދެއްކި ރަނގަޅު މަގު ނާއިލުއަށް ދެއްކުމުގެ ބޭނުމުގައެވެ. ބޭނުންނުވިޔަސް މިހާރު އެއީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ. އެކަން އޭނާ ގަބޫލު ކުރަންބޭނުންވެއެވެ. އަދި ފިރިމީހާގެ މަގާމަކީ ކޮބާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީއިރު އޭނާގެ ފިރިމީހާއަށްޓަކައި ކޮންމެ ކަމެއް ކުރަންޖެހުނުކަމުގައި ވިޔަސް ކުރާނެކަމަށް ޝަބާގެ އަމިއްލަ ޒަމީރަށް ވަޢުދުވިއެވެ. ޝަބާ ލަސްފިޔަވަޅުތަކެއް އަޅަމުން އައިސް ނާއިލުގެ ކުރިމައްޗަށް ހުއްޓުނެވެ. ނާއިލު ހައިރާންވެފައި ޝަބާއަށް ބަލަންއިނީއެވެ.
“އަހަންނާއިއެކު ނަމާދަށް އަރާނަންތަ، ބަންގިވެސް ގޮވައިފި” ޝަބާގެ ދުލުން މިހެން ބޭރުވިއިރު އޭނާގެ ސިކުނޑީގައި ހީވަނީ ރާޢިދުގެ ބަސްތައް ތަކުރާރުކޮއްލެވުނު ހެންނެވެ. ނާއިލް ވަގުތުން ހާސްވެ ބުނާނެއެއްޗެއް ނޭނގުނެވެ. ޝަބާ އިރުކޮޅަކު ނާއިލުއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި މަޑުމަޑުން ދެކަކޫމައްޗަށް ތިރިވެ ނާއިލުގެ ފައިމަތީގައި އޮތް ދެއަތުގައި އޭނާގެ ދެއަތްތިލަ ޖައްސާލިއެވެ. ނާއިލުއަށް ޝަބާގެ އެބީހިލުން އިޙްސާސްކުރެވިގެންދިޔައެވެ. ޝަބާގެ އަތްފޮޅުވާލާފަ އޭނާ އާއި ދުރަށްދާން ބޭނުންވިއެވެ. އެހެންނަމަވެސް ނާއިލުއަށް އެފަދަ އެއްވެސް ހަރަކާތެއް ހަށިގަނޑަށް ނުގެނެވޭނެކަން އެނގެއެވެ. ސަލާމަތްވާނެ ގޮތެއްނެތް، ޖަލެއްގައި ހައްޔަރުވެފައިވާ މީހަކު ފަދައިން ނާއިލު އިނެވެ. ޝަބާގެ އަތުގެ ފިނިކަން އިޙްސާސް ވުމުން އޭނާގެ ހަށިގަނޑުގެ ލޭގެ ހިނގުން އަވަސްވެއްޖެކަން ޔަގީނެވެ. ނާއިލުގެ މޭގައި އޮތް ހިތް އެހާބާރަށް އެތެޅެނީ އެހެންވެއެވެ.
“އަހަންނަކަށް ނޭނގެ ނާއިލުއަށް ވެފަތީނީ ކިހިނެއްކަމެއް، އަހަންނަށް އެނގޭހާވެސް އެއްޗަކީ މިހާރު ތީ އަހަރެންގެ ފިރިމީހާކަން، އަހަންނަކީ ފިރިންނަށް ނުކިޔަމަންތެރިވާ އަންބިންގެ ތެރެއިންވާ އަންބަކަށް ދުވަހަކުވެސް ވާން އެދޭ އަންހެނެއްނޫން، އަަހަންނަށް މީ ވަރަށް އާކަންތައްތައް، ނާއިލު ކަމެއް ބޭނުންވެއްޖެނަމަ އަހަރެން ގާތު ނުބުނެ ނުހުންނައްޗޭ، އަހަރެން މިއަދުން ފެށިގެން މިހިރީ ނާއިލު އާއިއެކު، ނާއިލް ހިތްހަމަނުޖެހޭ ކަމެއް އަހަރެންގެ ފަރާތުން ވިޔަސް އަހަރެން ކައިރީ ބުނަންވާނެ، އެކަމެއް އަހަރެން ރަނގަޅު ކުރާނަން، އަދި ބުނަން، ދިރިއުޅުމަކީ ގޮތްނޭނގޭ ކުޅިބައެއް، ހައްލު ނުކުރެވޭނެ އަރަތެއް… އެކަމަކު އަހަރުމެންނަށް އޮތީ ﷲއަށް ދެންނެވުން، ދިރިއުޅުން ފަސޭހަކޮއްދެއްވާ ބަލިތަކަށް ޝިފާދެއްވަނީވެސް ހަމަ އެކަލާނގެ، މިދުނިޔެ އަހަރުމެންނަށް ދައްކާ މަންޒަރުތަކާއި ކުރިމަތި ކުރުވާ ހިތްދަތިކަމަށް ކެތްތެރިވުން ނޫންގޮތެއްނެތް، އަހަރެން ގަބޫލު ކުރާގޮތައި ހުރިހާކަމެއްވެސް ވާނީ ﷲ ގެ މިންވަރުފުޅުގައި ވާގޮތަށް، އެއިން އެއްވެސް ކަމަކާ ފިލާކަށް އަހަރެން ބޭނުމެއްނޫން، ނާއިލު އަހަންނާއި ވާހަކަ ދައްކަން ބޭނުންނުވަންޏާ އަހަންނާ ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅު، ނާއިލު ބޭނުން ވަރަކަށް މިހުރިހާ ކަމަކަށް ވިސްނަން ވަގުތުދީފަ ތިހިރީ، ނާއިލު މިދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވެގެން ކޮންމެ ދުވަހަކުން ގޮވާލިޔަސް އަހަރެން އެކަމަށް އިޖާބަދޭނަން، އަހަރެންގެ ހިތުގަވާއެއްޗެއް އަހަރެން ހާމަމިކުރީ…” ޝަބާގެ ދެލޮލުގައި އެވަނީ ކޮންކަހަލަ ވިދުމެއްކަމެއް ނާއިލުއަކަށް ނޭނގެއެވެ. ޝަބާއަށް އިތުބާރުކުރަން އޭނާގެ ޒަމީރު ބުނަމުންދިޔައެވެ. އޭނާގެ ކުރިމަތީގައި އިން ޝަބާއަށް އަންބެއްގެ ނަޒަރުން ބަލާލަން އޭނާގެ ޒަމީރު ބުނަމުންދިޔައެވެ. ނަފްސުގެ ރިހުމަށް ލުޔެއްގެނެސްދީ އަނދިރިވަމުން އައި ނާއިލުގެ ހަޔާތުގައި އުއްމީދުގެ ހުޅުކޮޅޮ ޝަބާ ރޯކޮއްލިފަދައެވެ.
“އަހަންނާއިއެކު ﷲއަށް ދަންނަވަން އަދޭ…” ޝަބާ ކޮޅަށް ތެދުވަމުން ނާއިލުއަށް މިހެން ބުނެލީ އުއްމީދުގެ އަލި ނާއިލުގެ ހިތަށް ފޯރުކޮއްދިނުމުގެ ބޭނުމަގައެވެ. ނަމަވެސް ނާއިލު އޭނާގެ ނަޒަރު ޝަބާ އާއިވަކިކޮއްލުމުން މާޔޫސްވީފަދަ ގޮތަކަށް ޝަބާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އޭނާއަށް ވަގުތު ބޭނުންވިގޮތަށް ނާއިލުއަށްވެސް މިފަދަ ކަންތައްތަކަށް ވަގުތު ބޭނުންވާނެކަން ޝަބާ ގަބޫލު ކުރަމުން މަޑުމަޑުންގޮސް ނަމާދަށްއެރިއެވެ. އެހުރިހާއިރު ނާއިލު އިނީ ޝަބާ އާއި ދުރަށް މޫނު އަނބުރާލައިގެންނެވެ. އެހެންނަމަވެސް އޭނާ ވިސްނަމުން ދިޔައީ ޝަބާދެއްކި ވާހަކައާއިމެދުގައެވެ. ހަގީގަތުގައި ޝަބާ އާއި ދުޝްމިންކަމެއް ބާއްވާނެ އެއްވެސް ސަބަބެއް އޭނާއަށް ނުފެނެއެވެ. ސިކުނޑި އާއި ހިތް ދެބަސްވަމުންދިޔައެވެ. އެކޯޅުމުގެ ތެރޭ ހިތަކަށްވެސް އަދި ސިކުނޑިއަކަށްވެސް ކުރިއެއް ނުލިބުނެވެ.
“މީކާއަށް ގޮވަންވީތަ” ނަމާދުން އަވަދިވެގެން މެންދުރުގެ ކެއުމަށް ކާކޮޓަރިއަށް ދިއުމަށް ތައްޔާރުވެލި ޝަބާ ނާއިލުގެ ގާތުން އަހާލިއެވެ. އޭނާ އެހެން އަހާލުމުގެ ބޭނުމަކަށްވީ، ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ޝަބާ ނާއިލު އާއި ދެއްކިވާހަކައިގެ ސަބަބުން ހިތްހަމަނުޖެހިފައި ނާއިލު އިނދެދާނެއޭ ހީކޮއްފައެވެ. އަދި އޭނާ ނާއިލުއަށް އެއްވެސް ކަމެއް ކޮއްދޭން ބޭނުންނުވާނެއޭ ހިތާއެވެ. ޝަބާއަށް ހީކުރެވުނީ ރަނގަޅަށް ކަމެއްނޭނގެއެވެ. ނާއިލު ބޭނުންވީ މީކާ އޭނާ ކާކޮޓަރިއަށް ގެންގޮސްދިނުމަށެވެ. ޝަބާ ހަމައެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނިކުމެ މީކާ ހޯދިއެވެ.
ކައިވެނީގެ ފަހުން ހަފްތާއެއް ހޭދަވެގެން ދިޔައީ ޝަބާ އާއި ނާއިލުގެ މެދުގައި މާބޮޑު މުޢާމަލާތެއް ނުހިނގައެވެ. ދެމީހުންވެސް އެއްކޮޓަރީގައި އުޅެނީ ދެބީރައްޓެހިން ގޮތަށެވެ. ޝަބާއަށް ނާއިލުގެ ހާލު އޮޅުން ފިލިޔަސް އެކަމުގެ ސިއްރެއް އޭނާއަކަށް އަދިވެސް ނޭނގެއެވެ. މިހާރު އެކަން އެނގުން އޭނާއަށް މުހިއްމުވެސް ނުވަނީއެވެ. ޝަބާގެ އާއިލާގެ ފަރާތުން އެއްވެސް ޚަބަރެއް ނުވެއެވެ. ޝަބާވެސް އާއިލާގެ ހާލު ބަލާލަން ނުގުޅައެވެ. އޭނަ ކައިވެނީގެ ފަހުން ވާހަކަދެއްކި ހަމައެކަނި މީހަކީ ނީރާއެވެ. ނަމަވެސް ނީރާއަށް ގުޅިއިރު އޭނަވެސް އުޅެނީ ހޭބޯނާރައިގެން ފުރުމުގެ ކަންތަކުގައެވެ. އެހެންވެ މާގިނަ ވާހަކަ ދެއްކޭގޮތެއްނުވިއެވެ. ޝަބާ އޭނާގެ ދިރިއުޅުން ރަނގަޅުކަމުގައި ބުނެ އެކޯލުވެސް ކުރުކޮއްލީއެވެ. ނީރާ ފުރައިގެން އެދިޔައީ ޝަބާގެ ދިރިއުޅުމާ ގުޅިގެން އެއްވެސް ކަމެއް ނޭނގިހުރެއެވެ. ގޭތެރޭގައި ޝަރުމީލާ ހުންނަނީ ފާޑަކަށެވެ. ސަމީރާ ފެންނަން ނެތިއްޔާ އޭނަ ޝަބާ އާއި ވާހަކަދައްކަނީވެސް ފާޑަކަށެވެ. ސަމީރާ ނެތްތަނުގައި ނީލްއަކީ ހަމަ ދެވަނަ ސަމީރާއެވެ. އެހެންނަމަވެސް މާގިނަ ދުވަހު ނީލް މާލެއަކު ނުހުރެއެވެ. އޭނަ އަނެއްކާވެސް ފުރައިގެން ދިޔައީއެވެ. މޯނާ އާއި ނަވާލް ފެންނަނީ ވަރަށް މަދުންނެވެ. ހެނދުނުގެ ނާސްތާއިން އެދެމަފިރިން އަދިއެއް ނުފެނެއެވެ. މުޅިންވެސް އާއިލާ ހަމަވަނީ މެންދުރުގެ ކެއުމަށެވެ.
ރޭގަނޑު ނިދަން އޮށޯވެ އޮތް ނާއިލުއަށް މިރޭވެސް ނުނިދުނެވެ. ދެތިންފަހަރަށް ސޯފާއަށް ބަލާލެވުނެވެ. އަދިވެސް ޝަބާ ނިދަނީ ސޯފާގައެވެ. އެނދުމަތިން ބާލީހެއް ހާ ހިސާބުވެސް އޭނާ ނުގެންދެއެވެ. ރޭގަނޑު ވަރަށް ފިނިވެއެވެ. އެހެންނަމަވެސް ނާއިލުއަށް އުނދަގޫވެދާނެތީ ކޮޓަރީގެ ފިނިމަޑުކުރަން ނުބުނަނީއެވެ. ޝަބާވެސް އޮތީ ނުނިދިފައެވެ. ބޯދަށަށް ސޯފާގައި ހުރިތަނުން ކުށަންއެއް ލައްވާލައިގެން އޭނާވެސް އޮތީ ފުންވިސްނުމެއްގައެވެ. މާބޮޑަށް ފިނިވުމުގެ ސަބަބުން ޝަބާއަށްވަނީ ރޯގާޖެހޭގޮތްވެފައެވެ. ސަމީރާ އޭނާގެ ރޯގާއަށް ބޭސްދިނުމުން އެބޭސް ކާލައިގެން އޮތީއެވެ. ނަމަވެސް ލުއިވާގޮތް ނުވަނީ މާބޮޑަށް ފިނިވާތީކަން ޝަބާއަށްވެސް އެނގެއެވެ. ސޯފާގައި ކުރިއަށްވިރެވެސް ބޮޑަށް ކުރުގެޅިލަމުން އަޅައިގެން އޮތް ބުރުގާއިން ހަށިގަނޑު ނިވާކޮއްލެވޭތޯ އޭނާ އުޅުނެވެ.
“ޝަބާ…” ނާއިލުގެ އަޑުއިވުނެވެ.
ކުޑަކޮށް ސިހުނު ޝަބާއަށް އިވުނީ ރަނގަޅަށްބާއޭ ޔަގީންނުވެފައި އޭނާއަށް އޮވެވުނީއެވެ. ޔަގީން ކޮއްލަން ބޭނުންވިޔަސް ފިނިބޮޑުވެފައި އޮތްވަރުން ތެދުވާނެހާ ހިތްވަރުވެސް އޭނާއަށް ނުލިބުނީއެވެ. އެހެންއޮއްވާ އަނެއްކާވެސް ނާއިލު ގޮވާލިއަޑުއިވުނެވެ. އެއާއިއެކު ދެން ފެނުނީ ފުންމައިގެން ޝަބާ ތެދުވިތަނެވެ. އޭނާގެ ކަންފަތާއި ހަމައަށް ރަނގަޅަށްވެސް ނާއިލުގެ އަޑުފޯރައިފިކަން ޔަގީންވިއެވެ.
“މިކޮޅަށް އައިސްދީ ފާންނަތަ” ފަނޑުފަނޑު އަލިކަމުގެތެރެއިން ޝަބާއަށް ބަލަހައްޓައިގެން އޮތް ނާއިލު ބުނެލިއެވެ. އެއާއިއެކު މަޑުމަޑުން ޝަބާ އައިސް އެނދުގެ ކައިރީ މަޑުކޮއްލައިފިއެވެ.
“ޝަބާ ބޭނުންވާނަމަ އެނދުގައި ނިދިއަސް އޯކޭ” ނާއިލު މިހެންބުނެލި ގޮތުން ހީވަނީ ވަރަށް ވިސްނާފައި ބުނިއެއްޗެއް ހެންނެވެ. ޝަބާއަށް އޭގެ ބަދަލުގައި ބުނަންވީ ކީކޭކަމެއް ނޭނގި އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. ނާއިލު ޝަބާއަށް ބަލާލާފައި އަވަހަށް ދެލޯ މަރާލިއެވެ. ޝަބާއަށް ދެންވިސްނާލެވުނީ އެ އެނދުގެ ބޮޑުކަމާއި ފެންނަ ފެނުމަށް އަރާމުވާނެކަމެވެ. އެނދުގައި އޮތް ބޮޑު ކުއިލްޓުގެ ދަށަށްވަދެ ގައިގާ އޮޅާލައިގެން އަރާމު ނިންޖަކުން އޭނާ ނިދާލަން ބޭނުންވިއެވެ. ސިކުނޑީގެ ވަރުބަލިކަމަށް އަރާމެއްދިނުމަށެވެ. މަޑުމަޑުން ނުކެރިފައި ހުރި ކަހަލަ ގޮތަކަށް އެނދުގެ އެއްފަރާތުން ތިރިއަށް ވައްޓާލާފައި އޮތް ކުއިލްޓުގެ ބައި ހިއްލާލުމާއިއެކު ސިއްރު ސިއްރުން އޭގެތެރެއަށް ވަދެ އެނދުގައި އޮށޯވެއްޖެއެވެ. އަދި ހަށިގަނޑު ނިވާކޮއްލުމާއިއެކު ނާއިލުއަށް ފުރަގަސްދިނެވެ.
ދެމަފިރިން އެނދުގައި ތިބޭތާ ވިއްސަކަށް މިނެޓު ވޭތުވެގެންދިޔައިރުވެސް ދެމީހުންނަށް ނިދޭގޮތެއްނުވިއެވެ. އެނދުގެ ތަންމަތި ކިތަންމެހާވެސް އާރާމުވެފައި މަޑެވެ. ނަމަވެސް ދެމީހުންނަށްވެސް ވިސްނެނީ ގާތުގައި އޮތް މީހާ އާއި ދޭތެރޭގައެވެ. ޔަގީނުންވެސް ނާއިލުއަށް ޝަބާގެ ގައިގާ އަތްނުލެވޭނެކަން އެނގެއެވެ. އެހެންނަމަވެސް ނިދީގެ ތެރެއިން ޝަބާއަށް ނާއިލުގެ ގާތަށް އާދެވިދާނެތީވެ ދެމީހުންނަށްވެސް ކުރެވެމުންދިޔައީ އެހިޔާލެވެ. އަނެއްކާވެސް ޝަބާއަށް އިވުނީ ނާއިލުގެ އަޑެވެ.
“ނިދީތަ…” ނާއިލު އަހާލިއެވެ.
“އުނ ހޫން…” ޝަބާ ބުނެލިއެވެ.
“އަހަރެން ސުވާލެއް ކުރިޔަސް އެންމެ ރަނގަޅުތަ” ނާއިލު ބުނެލިއެވެ. އޭނަގެ އަޑުގައިވެސް ވަނީ ޖެހިލުންވުމާއި ނުކެރުމެވެ. އޭގެ ޖަވާބަކަށް ޝަބާ “ހޫން” ލައްވާލިއެވެ.
“އަހަންނާ މެރީ ކުރީ ކީއްވެކަން ބުނެދީފާނަންތަ” ނާއިލުގެ ހިތާ ސިކުނޑީގައިވާ ސުވާލުތަކުން ސުވާލެއް ދުލާއި ހަމައަށް އޭނަ ގެނައެވެ.
“މަންމަ ބުނެގެން” ކުޑަކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ އޮތުމަށްފަހު ޝަބާ ބުންޏެވެ. ބޭނުންވީ އޭނައަށް ކަންތައްތައް އޮޅުވާލާފައި ބަޔަކުވިޔަސް، އެގޮތަށް ނާއިލު އާއިމެދު ކަންތައް ނުކުރުމަށެވެ. ފިރިމީހާއަށް ތެދުވެރިވުމަށެވެ. އެދެމީހުންގެ ކައިވެނި ކުރެވުނު ފަހުން ނާއިލު އޭނަ އާއި ވާހަކަދައްކަން މަސައްކަތްކުރި މީ ފުރަތަމަ ފަހަރަށްވެސް ވާތީއެވެ.
“މަންމަ ބުނެގެންތަ ކުރިންވެސް ކައިވެނި ކުރީ” ނާއިލު ވަރަށް ވިސްނަން އޮވެފައި އެހިއެވެ.
ނާއިލު އެހެން އެހުމުން ޝަބާއަށް ވަރަށް އަސަރުކުރިއެވެ. ރާއިދުގެ ވާހަކަ ނާއިލު އޮޅުން ފިލުވަން ބޭނުންވަނީ ބާއޭ ކުއްލިއަކަށް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ރާއިދުގެ އެއްވެސް ވާހަކައެއް ޝަބާ އެގޭގައި އުޅޭ އެކަކާވެސް ހިއްސާކުރާކަށް ބޭނުމެއްނުވެއެވެ. މާޒީގެ ސޮފުހާ ނިއުޅާ އެކިޔަންވެއްޖެނަމަ ދުވަހަކުވެސް މީހާއަށް ކުރިއަކަށް ނުދެވޭނެއެވެ. ޝަބާވެސް މިހާރު ބޭނުންވަނީ ކުރިއަށް ދާށެވެ. އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ކުރާކަށް އޭނަ ބޭނުމެއްނޫނެވެ.
“ނޫން ދޯ” ޝަބާ އެއްވެސް އެއްޗެއް ނުބުނެ ގިނައިރު ވަމުންދާތީވެ ނާއިލު ބުނެލިއެވެ.
“ހޫމް…” ޝަބާ މަޖުބޫރީ ހޫންއެއް ލައްވާލިއެވެ.
“ޝަބާ ސުވާލެއް ނުއުފެދޭތަ އަހަރެން މެރީ ކުރަން އެއްބަސްވީ ކީއްވެކަން” ޝަބާއަކީ ބަސްމަދު އަންހެން ކުއްޖެއްކަން މިވީ ދުވަސްތަކުގެ ތެރޭ ނާއިލުއަށް ވަނީ އެނގިފައެވެ. އެހެންވެ ޝަބާގެ ހިތުގައި އުފެދިދާނެ ސުވާލަކަށް ޖަވާބު ދެވޭތޯ އޭނާ މަސައްކަތްކުރިއެވެ.
“އަހަރެން ޝަބާ އާއި މެރީ ކުރީ ތިބުނިހެން، އަހަރެންގެވެސް މަންމަ އެކަމަށް އެދުނީތީވެ، ޝީޒް މައި ހޯލް ވޯލްޑް، އެކަމަކު އަހަރެން ހުރީ އެއްކަމެއް ޔަގީންކޮއްގެން… ހިޔެއްނުކުރަން މެރީ ކުރަން ޖެހިދާނެއެކޭ، އެއީ އަހަރެންގެ ހާލު އެނގޭ އެއްވެސް އަންހެން ކުއްޖަކު އަހަންނާ މެރީ ނުކުރާނެކަން އެނގޭތީވެ، ޝަބާ ތީ ކޮންކަހަލަ އަންހެން ކުއްޖެއްތަ، މަންމަ ބުންޏަސް، އަހަންނާ މެރީކޮއްގެން ޝަބާއަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ، އައި ޑޯންޓް ލަވް ޔޫ… އެހެންނޫނީ ޝަބާ ބޭނުންވަނީ ފައިސާ އާއި މުއްސަނދި ދިރިއުޅުމެއްވެއްޖެއްޔާ، އަހަރެންގެ ގާތުން ތި ބޭނުން ހާސިލް ވެދާނެ” ނާއިލުގެ ވާހަކަތަށް އަޑުއަހަމުންދިޔަ ޝަބާގެ ހިތަށް ނާއިލުގެ ބަސްތަކުން އަސަރުކުރިއެވެ.
“ނާއިލުގެ ނަޒަރުގައި މުއްސަނދިކަމަކީ ތީ، އެކަމަކު އަހަރެންގެ ނަޒަރުގައި މުއްސަނދިކަމަކީ ފައިސާ އާއި އަރާމެއްނޫން، އަހަރެންވެސް ކުރިން ހީކުރަނީ ދުނިޔޭގެ މުއްސަނދިކަމަކީ ހުރިހާ އެއްޗެއްކަމަށް، އެހެންނަމަވެސް އެހިސާބުން ނިމުނީކީ ނޫނެންނު، އެކަން ނާއިލުއަށްވެސް އެނގޭނެ، ފަހަރެއްގަވެސް ތިހީކުރާ ފަދަ ގޮތަކަށް ނިމިގެންދިޔަ ނިންމުމެއްނޫން އެއީ، އެނގޭތަ، މައިންބަފައިންގެ ދުލުން ދަރިންނަށް އެލިބޭ ހެޔޮދުޢާއަކީ ފައިސާއަށްވުރެ އަގުބޮޑު އަދި އޭގެ ފައިދާ ފަހުންވެސް ކުރާނެ އެއްޗެއް، އަހަރެން ނާއިލު ތީ އަހަރެންގެ ފިރިމީހާ ކަމުގައި ގަބޫލު ކުރީ އަހަރެންގެ މައިންބަފައިންނަށްޓަކައި، އަހަރެންގެ މަންމައަށްޓަކައި، އޭނާގެ ފައިތިލަ ދަށުންނޫނީ އަހަންނަށް ހަމަޖެހުމެއްނުވޭ، އަނެއްކޮޅުން އެރޭ ޤާޟީގެ ކުރިމަތީގައި ނާއިލު ބުނީމެންނު އަނބި ގަބޫލުކޮއްފީމޭ، އެވަގުތުން ފެށިގެން އަހަރެން ބޭނުންނުވިޔަސް އަހަރެންނަކީ ނާއިލުގެ މިލްކެއް، އަހަރެން، އަހަރެންގެ ވާޖިބު އަދާކުރަންޖެހޭނެ، ނާއިލުގެ އުފަލަކީ މިހާރު އަހަރެންގެ އުފަލަށް ވާންޖެހޭނެ، އަދި ނާއިލުގެ ކޮންމެ ވޭނަކީ އަހަރެންނަށްވެސް ލިބޭ ވޭނެއްކަމުގައި ވާންޖެހޭ، އެކަމަކު މިބުނާހެން އަހަރުމެން ދެމީހުންނަށް އުޅެން އުނދަގޫވާނެ، ވަރަށް އުނދަގޫވާނެ…” ޝަބާ މިހުރިހާ ވާހަކައެއް ދެއްކި އިރުވެސް އެއްފަހަރުވެސް ނާއިލު އާއި ދިމާލަށް އެނބުރިނުލައެވެ.
“ހަމަ އެކަނި މަންމަ ބުނެގެންނޭ ބުނީމަ އަހަންނަށް ގަބޫލުކުރަން ވަރަށް ދަތި، ކޮންއަންހެން ކުއްޖެއް އަހަރެން ކަހަލަ ފިރިހެނެއްގެ ލައިފަށް އަންނަން ބޭނުންވާނީ، އަހަރެންގެ މަންމަ އަހަރެންގެ ކައިވެންޏަށް އެދުނު ފުރަތަމަ އަންހެން ކުއްޖާއެއް ނޫނޭތީ، އެހުރިހާ މީހުންގެ ތެރޭން އެކަކުވެސް ގަބޫލު ނުވިއިރު ކީއްވެ ޝަބާގެ މަންމަ އަހަންނަށް ގަބޫލުވާންވީ” ނާއިލުގެ ސިކުނޑިއަށް ގަބޫލު ނުކުރެވޭ އެތަށްކަމެއް އޭނާގެ ސިކުނޑި ހާސްކުރުވަމުންދިޔައެވެ.
“ތިއެއް ނޭނގެ، ތިސުވާލަށް ޖަވާބުދެވޭނީ އަހަރެންގެ މަންމައަށް” ޝަބާގެ އަޑު އެއްކޮށް ބަދަލުވެގެން ހިނގައްޖެއެވެ. ނާއިލުއަށް މިކަން ފާހަގަކުރެވުނެވެ. ޝަބާ ދެރަވީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ޝަބާ ދެރަވާ ކަހަލަ ވާހަކައެއް އޭނާއަށް އެނގިގެން ނުބުނެވެއެވެ. އޭނާ އެކުރަނީ ކޮންމެހެންވެސް އޭގެ ޖަވާބު އެނގުން މުހިއްމު ސުވާލުތަކެވެ. ނާއިލު އަނެއްކާވެސް ވިސްނަން ފެށިއެވެ. ޝަބާ ދެއަތްތިލަ ޖޯޑުކޮއްލުމާއިއެކު ގެެނެސް މޭގައި ޖައްސާބާރުކޮއްލަމުން މީހާ ކުޑަވެލިއެވެ. އޭނާގެ މަންމަ ކުރިކަންތައް ނާއިލުގެ ގާތު ބުނާކަށް އޭނާއަކަށް ނުކެރޭނެއެވެ.
“ޝަބާއަށް އެނގޭތަ އަހަންނަކީ ހަތަރެސްފައި ހަރަކާތްނުކުރެވޭ މީހެއްކަން” ނާއިލު ކުއްލިއަކަށް ކުރި ސުވާލުން ޝަބާ ސިހުނެވެ. އޭނާގެ އަނގައިން ނުކުތް އާހްގެ އާޑާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. އަދި ދެލޯ މަރާބާރުކޮއްލެވުމާއިއެކު ކުރިއަށްވުރެވެސް ބޮޑަށް އެނދުގައި ކުރުގެޅިލަމުން ކުއިލްޓުގެ ތެރެއަށް ވަންނަން މަސައްކަތްކުރިއެވެ.
“އޯ ގޯޑް… ސީރިއަސްލީ” ޝަބާގެ ހަރަކާތްހުރިގޮތް ފެނުނު ނާއިލުއަށް ހައިރާންކަމާއިއެކު ބުނެލެވުނެވެ. ޝަބާ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންނަމަވެސް ނާއިލުއަށް ވަރަށް ގިނަ އެއްޗެހި އެނގިއްޖެއެވެ.
“އަހަރެންގެ މަންމަ ބުނި ޝަބާއަށް ހުރިހާ ކަމެއް އެނގި ހުރެޔޭ މެރީކުރަން އެއްބަސްވީ، އެކަމަކު އަހަންނަށް މިހާރު އެނގިއްޖެ އެއީ ބޮޑު ދޮގެއްކަން… އެކަމަކު ކީއްވެ، އަހަރެންގެ މަންމަ ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީއޭތަ ތިބުނަނީ… އޯ މައި ގޯޑް، އައި ޖަސްޓް ކާންޓް ބިލީވް ދިސް، ހަމަ މިހާރު މަންމަ އާއި އަހަރެން ބައްދަލު ކުރަން ބޭނުން، ޝަބާވެސް ޖެހޭނީ އަހަންނާއިއެކު ދާން… ހައު ކެން ޝީ ޑޫ ދިސް ޓު މީ…” ނާއިލުގެ އަޑުން އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެކަން ޝަބާއަށް އެނގުނެވެ. ކަންތައްތައް ގޯސްވެދާނެތީވެ ޝަބާ ބިރުގަތީ ކީއްވެކަމެއް ނޭނގެއެވެ. ސަމީރާ އަކީ ޝަބާއަށް އިހަށްދުވަހު ފެނުނު މީހަކަށްވިޔަސް، އޭނާ އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާނުލާނެކަން ޝަބާގެ ޒަމީރު ހެކިވިއެވެ.
“ދޭބަލަ މީކާއަށް ގޮވަން، ޝަބާ ތިއޮންނަނީ ކީއްވެފަތަ، ކިހާ ބޮޑު އޮޅުވާލުމެއްތަ މިހިނގީ، އަހަންނަށް އޭރުވެސް އެނގުނޭ މިކައިވެނީގަ ސިއްރުތަކެއް އެބައުޅޭކަން، ޝަބާވެސް ކީއްވެތަ ނުބުނީ… ތެދުވޭ.. ދޭ މީކާ ގޮވައިގެން އަންނަން” އަމުރުވެރި ރާގަކަށް ނާއިލު ބުންޏެވެ. ޝަބާ މަޑުމަޑުން އެނދުން ތެދު ނާއިލު އާއި ދިމާލަށް ކުރިމަތިލަމުން ހުއްޓުނެވެ.
“މިގަޑީގަ މަންމައަށް އުނދަގޫ ކުރާކަށް ނުވާނެ، ނާއިލު ތި ހީކުރާ ގޮތަށް ނުވެވެސް ދާނެ އެންނު” ޝަބާ މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކިއެވެ.
“އަދިވެސް މަޑުކުރަންވީތަ، އައި ޑޯންޓް ވޯންޓު މެރީ އެނީ ވަން، އެކަކާވެސް އިންނާކަށް ބޭނުމެއްނޫން، އަހަރެން މަންމައަށް ޓްރަސްޓު ކުރިން، މިގޮތަށް އޮޅުވާލައިގެން މެރީ ކުރުވަފާނެ ކަމަށް އަހަންނަށް ނުވިސްނުނީ ކީއްވެތަ… ޝަބާ މީކާއަށް ނުގޮވާނަންތަ، އަހަރެން މިތާ އޮވެ ހަޅޭލަވަން ވީތަ، ހަޅޭލަވައިގެން ވިޔަސް އަހަރެން މިރޭ މިވަގުތު މީކާ ގެންނާނަން، ޝަބާ އަހަރެން މަންމަ ގާތަށް ނުގެންގޮސް ދިނަސް އޭނަ އަހަރެން ބުނާ ހުރިހާ ކަމެއް ކުރާނެ، އެކަމަކު ދެންމެއެންނު ބުނީ ފިރިމީހާ ބުނާ ހުރިހާ ކަމެއް އަނބިމީހާގެ ގޮތުގައި ހުރިހާ ހިނދަކު ޖެހޭނީ ކުރާށޭ، މިހާރު އަހަރެން މިބުނީ ފިރިމީހާގެ ގޮތުން… ހަމަ މިހާރު މީކާއަށް ގޮވާ” ނާއިލު ރުޅި ގަދަވިއެވެ. ޝަބާއަށް ތުންފިއްތާލެވުމާއިއެކު ބަލަން ހުރެވުނެވެ. ރުޅިއަކީ އިންސާނާގެ މައްޗަށް ގަދަވެގެންފިނަމަ، އެމީހަކު ހަލާކުކޮއްލަފާނެ އެއްޗެކެވެ. ފަހުން އެކަމަކާ ދެރަވާންޖެހޭނެ ކިތަންމެ ކަމެއް ކުރަން މަޖޫބުރުކުރާ އެއްޗެކެވެ. އެހެންނަމަވެސް މިވަގުތު ނާއިލުއަށް އެކަން ވިސްނައިދޭނެ ގޮތެއް ޝަބާއަކަށް ނުވިސްނުނެވެ. ނާއިލުގެ ހަރުކަށިކަން އެކުލެވިފައިވި ބާރު އަޑުދެކެ އޭނާ ހުރީ ޖެހިލުންވެ ބިރުގެންފައެވެ. ސަމީރާގެ ކުށެއްނެތްކަން ހާމަކޮށް ކުއްވެރިއަކީ ކާކުކަން ބުނަން ޝަބާ ބޭނުންވިނަމަވެސް، އޭރުން ނާއިލުގެ ކުރިމަތީގައި ވެއްޓޭނީ ހަމަ ޝަބާގެ މަންމަގެ އަގުކަން އެނގޭތީ ފަސްޖެހެވެނީއެވެ. ހާސްވަމުންދިޔަ ވަރަކަށް ޝަބާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ.
“އަދިވެސް ހުރީތަ… ކާންޓް ޔޫ ހިއަރ ވަޓް އައި އެމް ސެއިން، އާރ ޔޫ ޑެފް…” ނާއިލު ހަޅޭލަވައިގަންނަމުން ދެބުމަ ކައިރިކޮއްލިއެވެ. އަދި މޫނުމަތިންވެސް ފެނިގެން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ނާއިލުއަށް ބަލަން ހުރި ޝަބާ ކުޑަކުޑަ ކުއްޖަކު ފަދައިން ތުންފިއްތާލުމާއިއެކު ރޮވެމުން ރޮވެމުންގޮސް ރޮވިއްޖެއެވެ. އޭނާ ނާއިލުގެ ގާތަށް އައީ ކިހިނެއްކަމެއް ނޭނގެއެވެ. ނާއިލުވެސް އަޖައިބުވެފައި އޭނާގެ ދާދި ގާތުގައި ކާޕެޓުމަތީ އިށީނދެއިން ޝަބާއަށް ބަލަހައްޓައިގެން އޮވެވުނީއެވެ.
“އައި އެމް ސޮރީ، ޕްލީޒް… އަހަންނަށް މާފް ކުރޭ…” ޝަބާ ރޮމުން ނާއިލުގެ އަތުގައި ދެއަތުން ހިފާލުމާއިއެކު އެއަތުގައި އޭނާގެ ނިތްކުރި ގެނެސް ޖައްސާލަމުން ބުންޏެވެ. ޝަބާ ރޯތަން ފެނުމުން ނާއިލުއަށް ވީގޮތެއް ނޭނގުނެވެ. ރުޅިގަދަވެގެން ގޮސް ކައިރިވެފައިހުރި ދެބުމަ މަޑުމަޑުން ދުރުވެ ނިތަށް އަރާފައިހުރި ރޫތަށް ފިލައިގެން ހިނގައްޖެއެވެ.
“ނުރޮއެ…” ނާއިލުއަށް ބުނެލެވުނީ މިހެންނެވެ. އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔަ ކަހަލައެވެ. ޝަބާ ރޮނީވެސް އެފަދަ އިޙްސާސެއް އެއަޑުއިވޭ މީހެއްގެ ހިތަށް ކުރުވާފަދަ ގޮތަކަށްވިއްޔާއެވެ. އެއަޑުއިވޭ މީހަކަށް ޝަބާދެކެ ރުޅި އާދެވޭނީ ކިހިނެއްހެއްޔެވެ. ޝަބާ ރޮނީ ވަރަށް ދެރަވެގެންކަން އޭނާ ރޮމުންދިޔަ ގޮތުން ނާއިލުއަށް އިޙްސާސް ކުރެވުނެވެ.
“ޝަބާ، ކީއްވެތަ ތި ރޮނީ، އަހަރެން ރުޅި އައީ ޝަބާދެކެއެއް ނޫނޭ، ޝަބާވެސް ބޭނުމެއްނުވާނެ ދޯ މިކަހަލަ ދިރިއުޅުމެއް… ޕްލީޒް، ތިގޮތަށް ނުރޮއެބަލަ…” ނާއިލުގެ މަޑުމައިތިރިކަމުން ފުރިގެންވި އަޑުން އޯގާތެރިކަން ފާޅުވިއެވެ. އެއާއިއެކު އަދި ވަކިން ބޮޑަށް ޝަބާއަށް ރޮވިއްޖެއެވެ. މީހަކު އޭނާ ގެނެސް އަތުގެ ތެރެއަށް ލާ ބޮނޑިކޮއްލާނެ ނަމައޭ ޝަބާގެ ހިތަށްއެރިއެވެ. އޭނާ ކެތްތެރިވާވަރު މީހަކަށް ނޭނގޭނެވިއްޔާއެވެ. އޭނައަށްވެސް ނާއިލު އާއިއެކު އެންމެ ހިނދުކޮޅެއްވެސް ވޭތުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
“ޝަބާ، ސީރިއަސްކޮށޭ މިބުނީ، އަހަރެން މިހާރު އޯކޭ އޭ، ދެން ރުއިން ހުއްޓާލަބަލަ” ނާއިލު އަނެއްކާވެސް ބުނެލިއެވެ.
“ނާއިލު މަންމަ އެއްވެސް ކަމެއް އޮޅުވައެއްނުލާ” ޝަބާ ރޮމުން ބުނެލިއެވެ.
“ކިހިނެއް ޝަބާއަށް ތިކަން ޔަގީންވަނީ، މަންމަ އޮޅުވާނުލަންޏާ، ދެން ކާކު…” ނާއިލުއަށް ޝަބާއަށް އޭނާގެ ސުވާލަށް ޖަވާބު ނުދެވިގެން އުޅެނީ ކީއްވެކަން ވިސްނުނެވެ. ހަމަ އެވަގުތު އޭނާގެ ހިތް ހަމްދަރުދީއިން ފުރިގެން ހިނގައްޖެއެވެ.
“ޝަބާގެ މަންމަ… އޯ ނޯ… ” ނާއިލަށް ހިތާ ހިތާ ބުނެލެވުނެވެ. އޭނަގެ ވަށައިގެންވި މާހައުލު އަލިވެ މަންޒަރުތައް ސާފުވެގެން ދިޔަކަހަލައެވެ. ކާން އިނދެފައި ޝަބާ ކޮޓަރިއަށް އައީ ކީއްވެ ކަމާއި، އެދުވަހު އެވަރަށް ޝަބާ ރުއީ ކީއްވެކަންވެސް މިރޭ ނާއިލުއަށް އެނގިއްޖެއެވެ. މިރޭ ނާއިލުގެ މަންމައަށް އޭނާ ކުރާ އިތުބާރު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ގެއްލިގެން ނުދިޔައީ ކިރިޔާއެވެ. އެހެންނަމަވެސް ޝަބާ އަދިވެސް އެމަސައްކަތް ކުރަނީ އޭނާގެ މަންމަ އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލުމުންވެސް، އެމަންމަ ދިފާއުކުރުމަށެވެ. ނާއިލު މައްޗަށް ބަލާލުމާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ދުވަހަކުވެސް އުމުރުގަ އެފަދަ އަންހެން ކުއްޖަކު ނާއިލު ނުދެކެއެވެ. އަދި އެވެސް މައިންބަފައިންނަށް އެފަދަ ބޮޑު ގަދަރެއްކުރާ ދަރިއެކެވެ. އެމީހުންގެ އުފާތަކަށް ހިނިތުންވެލަނީ އަމިއްލަ ހިތް ފޮތިފޮތިވެގެން ދާއިރުވެސްމެއެވެ.
“ހޫ އަރ ޔޫ…” ނާއިލުއަށް ޝަބާއަށް ބަލާލަމުން އަހާލެވުނެވެ.
“ނޭނގެ، އަހަންނަށް މާފު ކުރޭ…” މަޑުމަޑުން އިސްއުފުލާ ނާއިލުއަށް ބަލާލި ޝަބާ މިހެން ބުނެލިއިރު އެދެލޮލުން ފައިބައިގެން ދިޔަ ކަރުނަތަށް ކޯތާފަތުންލާފައި އޭނާގެ އުނގަށް ތިކިޖަހަމުންދިޔައެވެ.
“އިޓްސް އޯކޭ… މާފަށް އެދޭވަރު ކަމެއް ޝަބާ ނުކުރަމެންނު، ދެން ނުރޮއެ، ޕްލީޒް… ތިވަރަށް ރޯކަށް ނުވާނެ، ބުނޭ ދޯ ގިނައިން ހެންޔާ ރޯންޖެހޭނެއޭ، އެކަމަކު ޝަބާ ހޭތަނެއް އަހަރެން ނުދެކެން، އެހެންވީމަ ކީއްވެތި ރޮނީ، ޝަބާގެ ފިރިމީހާ ބުނާ ކަންތައް ކުރަންވާނެއެންނު، ދެން ނުރޮއެ ހުއްޓާލާ” ނާއިލު ބޭނުންވީ ޝަބާގެ ރުއިން ހުއްޓުވާލުމަށެވެ. އޭނާ ދެރަވާނެވަރު ނާއިލުއަށް އިޙްސާސް ކުރެވެނީއެވެ.
ޝަބާ ރުއިން ހުއްޓާލުމުން ނާއިލު އެދުނީ އޭނާ ނިދަން އެނދަށް އައުމަށެވެ. ނަމަވެސް ޝަބާ އެދުނީ ސަމީރާގެ ގާތުގައި މިރޭވީ އެއްވެސް ކަމެއްގެ ވާހަކަ ނުދެއްކުމަށެވެ. އެކަމާ ނާއިލު ވަކިއެއްޗެއް ނުބުންޏެވެ. ދެމީހުން އެއްވެސް އެއްޗެއް ނުބުނެ އެތަށް ގަނޑިއިރު ތަކެއް ވޭތުވެގެން ދިޔައެވެ. އެކަކުގެ ލޮލަށްކަށްވެސް ނިންޖެއްނައެވެ. ނާއިލު ވިސްނަމުން ދިޔައީ ޝަބާ އާއި މެދުގައެވެ. ޝަބާ ވިސްނަމުންދިޔައީ ނާއިލު ދެން ކަންތައްކުރާނެ ގޮތަކާއިމެދުގައެވެ.
“ޝަބާ، އަހަރެން ވާހަކައެއް ބުނަން ބޭނުން، އެކަމަކު ޝަބާ ނުވާނެ އަލުން ރޮއެގެން” ނާއިލު އޭނާގެ ކަނާތްފަރާތުގައި އޮތް ޝަބާއަށް ގޮވާލާފައި ބުނެލިއެވެ. ޝަބާ އެއްޗެއް ނުބުނެ ކުރިންވެސް އޮތްގޮތަށް ނާއިލުއަށް ފުރަގަސްދީގެން އޮތެވެ. ނާއިލު ދެތިން ފަހަރަށް ޝަބާއަށް ގޮވާލާފައި ވާހަކަދައްކަން ފެށިއެވެ.
“ޝަބާ، އަހަރެން… ޝަބާ ބޭނުމިއްޔާ…” ނާއިލު އެވަގުތު އޭނާގެ ހިތަށް އެރި އެއްޗެއް ބުނަން އުޅެފަވެސް ފަސްޖެހުނެވެ. އަދި ޝަބާ އަނގައިން ނުބުނެ އޮންނާތީ އޭނާއަށް ނިދުނީއޭ ނާއިލު ހިތަށްއެރިއެވެ. އެހެންވެ އެވާހަކަ ފަހުން ބުނަން މަޑުކޮއްލިއެވެ.
ފަތިސް ނަމާދަށް ޝަބާ ތެދުވީ ފޯނު އެލާމްވީމައެވެ. އޭރުވެސް އޭނާ އޮތީ ނުނިދިފައެވެ. ނަމަވެސް ވުޟޫކޮއްލައިގެން އައިސް އެނދުގައި އޮތް ނާއިލުއަށް ބަލާލިއިރު އޭނާ އޮތީ ލޯމަރައިގެންނެވެ. ނާއިލުއަށް ނިދުނީއެވެ.
ހެނދުނު ސައިމޭޒުމަތި ވަރަށް ފަޅުކަމަށް މިއަދު ދެއްކިއެވެ. އަސްލަމް އާއި ސަމީރާގެ އިތުރުން އެތަނުގައި ތިބީ ޝަރުމީލާ އާއި މީކާއެވެ. އެހެންނަމަވެސް ސަމީރާގެ ސިކުނޑިއަށް ވެރިވި ހިޔާލާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެއެވެ.
ހެނދުނުގެ ނާސްތާގައި ސަމީރާގެ މޫޑު ރަނގަޅުވެފައި އަބަދުވެސް ހިނިތުންވެލައިގެން އިންނަތަން އަސްލަމަށް ފެނިލެއްވުމުން އެކަމާ ސުވާލު ކުރައްވަން ބޭނުންވެލެއްވިނަމަވެސް، އެގޮތަށް ކަންތަކެއް ނުކުރެއްވިއެވެ. އަސްލަމްވެސް ބަދަލުގައި ސަމީރާއަށް ހިނިތުންވެލެއްވުމާއިއެކު ހިތަށް އެވަގުތު އެރުއްވި އެއްޗެއް މަޑުޖައްސަވާލައްވާފައި، ވިޔަފާރީގެ ވާހަކަ ފެއްޓެވިއެވެ. ހަޔާތުގެ ދުވަސްވީ ބައިވެރިޔާގެ ޚިޔާލު ހުރިހާ ކަމަކަށްހެން އަސްލަމް ހޯދައްވަވައެވެ.
ކާމޭޒުމަތިން އަވަދިވި ޝަރުމީލާ، ލީލާއަށް މޭޒުމަތީގެ ތަށިތަށް ނެގުމުގައި އެހީތެރިކަން ފޯރުކޮއްދެމުން ދިޔަ ސަމީރާގެ ގާތަށް ޖެހިލިއެވެ. މިފަހަކަށް އައިސް އޭނާއަށް ފާޑެއްގެ ގޮތެއްވެފައި ހުންނަކަން އެނގެއެވެ. އަދި މޫނުމަތިން ފެންނަ ނުރުހުމުގެ އަސަރު ޝަބާ ފެންނަ ކޮންމެ ފަހަރަކު ފާޅުވެއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އެކަކަށްވެސް ނޭނގެއެވެ. ކަން އެހެން އޮތަސް އޭނާ ޝަބާ އާއި ވާހަކަދައްކަނީ ވަރަށް ރުހޭކަން ދައްކައިގެންނެވެ. އެހެން ވާހަކަދައްކާއިރުވެސް ގިނަ ފަހަރަށް ހިތުގައި އޮންނައެއްޗެއް ވަށްބަހުން ވިޔަސް ދުލުން ބޭރުކޮއްލުމާއިއެކު، ޝަބާއަށް ކޮންމެވެސް މަލާމާތެއް ކޮއްލާނެއެވެ. ޝަބާ ރަކިކޮއްލާ ލަދުގަންނަވާލަން އޭނާ ބޭނުންވެއެވެ. އަދި އޭގެ އިތުރުން، ސަމީރާ، ޝަބާ އާއިމެދު އެބަހައްޓާ ގާތް ކަމެއްގެ ސަބަބުން، އޭނާއަށް އިތުރު ފޫހިކަމެއް ހިތަށްވެރިކުރުވައެވެ.
“ހެނދުނުންސުރެން މިފެންނަނީ ކޮންމަންޒަރެއްތަ” ޝަރުމީލާ ސަމީރާއަށް އަތްގާތްކޮއްލަދޭފަދަ ގޮތަކަށް ބިއްލޫރިތައްޓެއް ދިއްކޮއްލަމުން ބުނެލިއެވެ.
“ކޮބާތަ؟ ކޮންކަމެއްތަ” ސަމީރާ މިހެން ބުނިއިރުވެސް ބުނެލެވުނީ ނިކަން ބޮޑަށް ހިނިތުންވެލައިގެން ހުރެއެވެ.
“ސަމީރައްތަގެ ތި ގޮތްނޭނގޭ ހިނިތުންވުމުގެ ވާހަކަދައްކަން މިއުޅެނީ” ޝަރުމީލާވެސް މިހެންބުނީ ހީނލާފައެވެ.
“ހޫން، އެއީ ކަމެއްވެގެންނެއް ނޫން، މިއަދު ރަނގަޅު ދުވަހެކޭ ހިތަށްއެރީ، އެހެންވެ ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުން އެކަން މޫނުމަތިންވެސް ފާޅުވީކަމަށް ތިވާނީ” ސަމީރާ އަވަސް އަވަހަށް މިހެންބުނެ ބިއްލޫރިތަށި އެތުރި ތަބަށް ހިފައިގެން ލީލާގެ ފަހަތުން ބަދިގެ ފަރާތަށް ހިގައިގަތެވެ.
“ސަމީރައްތާ، ދެން ބުނެބަލަ އަހަރެން ގާތުގަވެސް، ވަރަށް އުފާވާ ކަހަލަ ކަމެއްވީކަން ގައިމު، އެހެންނޫނީ ތިހިނެއް ނުހުންނާނެ” ޝަރުމީލާ، އޭނާގެ ދައްތަގެ ފަހަތުން އާދޭސް ކުރަމުންދިޔައެވެ. ސަމީރާއަށްވެސް ހިތުގައި އުފެދުނު ހިޔާލު ފޮރުވައިގެން މާގިނައިރަކު ނުހުރެވުނެވެ. އެންމެ ފަހުން ގްރީން ހައުސް އާއި ދިމާއަށް ދަމުން ގޭގެ ދެކޮޅު ބަލާލާފައި ކައިރީގައި ހުރި ޝަރުމީލާގެ އަތުގައި ހިފާ ގެނެސް ގާތްކޮއްލަމުން ސިއްރުން ވާހަކަދައްކަން ފެށިއެވެ.
“ޝަރުމީލާއަށްވެސް އެނގޭނެ، ނާއިލު އޭނާގެ ބައްޕަ އާއިއެކު ހެނދުނުގެ ނާސްތާގައި ބައިވެރި ނުވާ ދުވަހެއްނުދާނެ، އެއީ އަސްލަމް، ނާއިލުއަށް ގަޔާވާ ސިފައެއް، އެކަމަކު ސައިމޭޒު ދޮށުން އޭނާ ނުފެނުމުން، އަހަރެންގެ ހިތްބުނީ ރޭގައި ޝަބާ އާއި އެދެކުދިންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގައިފިއޭ، ހިތާ ހިތާ ދުޢާ މިކޮއްލެވެނީ، އެއީ ރަނގަޅު ހީއަކަށްވެ، އުފާވެރިކަމުގެ ޚަބަރެއް އަހަންނަށް ލިބޭނެ ނަމައޭ، އޭރުވެސް އަހަންނަށް އެނގުނޭ، ދުނިޔޭގެ އެއްވެސް އަންހެން ކުއްޖަކު ނާއިލު އާއި ކެއިވެނި ނުކުރިޔަސް ވަފިއްޔާގެ ޝަބާ އެސޮރު ބަލައިގަންނާނެކަން، އަހަރެން ދެކޭ ގޮތުގަ އެއީ އަހަރެންގެ ނާއިލުއަށް އެންމެ އެކަށީގެންވާ ކުއްޖަކީ…” ސަމީރާ އުފަލުން އެހުރީ ކީއްވެކަން ޝަރުމީލާއަށް އެނގުމުން އުފާވާގޮތް ދައްކާލިއެވެ. ނަމަވެސް ހިތުގައި ފޫހިކަމެއް އުފެދިގެން ދިޔައެވެ. ސަމީރާގެ ހިތުގައި ޝަބާއަށް ދެވޭ މަގާމު މަތިވެރިވަމުން އަންނަކަން އެނގުމުންނެވެ. ޝަރުމީލާއަށް ވާހަކަ އޮޅުން ފިލުމުން އަވަހަށް ބެލީ ސަމީރާ އާއި ދުރަށް، ބަހަނާއެއް ދެއްކުމަށްފަހު ދިއުމަށެވެ.
މޯނާގެ ކަނދުރާ ދަށުން މަޑުމަޑުން އަތްދަމައިގަތް ނަވާލު އުޅާހަށްދެމިލިއެވެ. އަދި މަޑުމަޑުން އެނދުން ތެދުވެ، ފާޚާނާއަށް ވަނެވެ. މޯނާ ކުރިއަށްވުރެވެސް ބޮޑަށް އަތުތެރޭގައި އޮތް ބާލީހުގައި ބައްދާ ބާރުކޮއްލިއެވެ. އޭނާއަށް، ނަވާލް އެނދުން ތެދުވިކަން އެނގުމުންވެސް އެކަމަށް މާބޮޑު ފަރުވާލެއްދޭން ބޭނުންނުވީއެވެ.
ސަމީރާ ގްރީން ހައުސްގައި ގަސްތަކުގެ މަސައްކަތް ކުރަން އުޅެއެވެ. ފެންދޭންވީ ގަސްތަކަށް ފެންދިނުމާއި ކޮންމެ ދުވަހަކުހެން ބޭސްޖަހަން ޖެހޭ ގަސްތަކަށް ބޭސްޖެހުމުގައެވެ. އަދި ރީތި ކުލަކުލައިގެ މާކޯނިތަށް އައިސްފައިވާ މާގަސްތަކުން ބޮޑުކޮޓަރީގައި ހުރި މާޓުކުރިއަށް ޖެހޭކަހަލަ މާތަށް ކޮށަމުންދިޔައެވެ. އޭރުވެސް އޭނާއަށް އިރުއިރުކޮޅާ ނާއިލުގެ ކޮޓަރިއަށް ބަލާލެވެއެވެ. އަދި އަތަށް މަހާލާފައިވާ އަންގިގެ ތެރޭގައި ފޮރުވިފައި އޮތް، ރަންކުލައިގެ ހިމަހިމަ އަތުކުރީ ގަޑިއަށް ބަލާލެވެއެވެ. އެކޮޓަރީގެ ކުޑަދޮރުގެ ފަރުދާ ދަމާލާފައި ހުރުމުން އެތެރެއެއް ނުފެނެއެވެ. ވިސްނާލަން އިރުކޮޅަކު ހުރެލާފައި ސަމީރާ އެއްއަތުގައި އޮތް އަންގި އެއަތުން ނައްޓާލަމުން އައިސް ނާއިލުގެ ކޮޓަރީގެ ދޮރުގެ އަތްގަނޑުގައި ހިފާ ހުޅުވާލުމަށް ފިއްތާލުމާއިއެކު ވަގުތުން ދޮރުހުޅުވިގެންދިޔައެވެ. ކުޑަކުޑަކޮށް ސިހުނެއްކަމަކު، ސަމީރާގެ ހިތަށްއެރީ، ދޮރުހުޅުވާފައި އެހުރީ ދެމަފިރިންވެސް ހޭލާ އުޅޭތީކަމަށެވެ. މަޑުމަޑުން ހިނިތުންވެލައިގެން ހުރެ ކޮޓަރިތެރެއަށް ބަލާލެވުނެވެ އެކޮޓަރިއަށް އިރުއެރިހެނެއް ހިޔެއްނުވެއެވެ. ފަނޑު ފަނޑުއަލިކަމުގެ ތެރެއިން ސަމީރާއަށް އެނދުގައި އޮތް ނާއިލު އާއި ޝަބާ ފެނުނެވެ. އެއާއިއެކު ތުންފަތަށް ވެރިވި ހިނިތުންވުމުގެ ތެރެއިން ދަތްތައްވެސް ފާޅުވެގެން ހިނގައްޖެއެވެ. ހަމަޖެހުމުގެ ފުންނޭވާއެއް ބޭރުކޮއްލެވުމާއިއެކު އަވަސް އަވަހަށް ކޮޓަރީގެ ދޮރުލައްޕާލައިފިއެވެ. އެހެންނަމަވެސް ދޮރުމަތީގައި އެދޮރަށް ބަލަހައްޓައިގެން ސަމީރާއަށް ހުރެވުނެވެ.
“މޯނާ، އެގާރަ ޖަހައިފިއޭ… ދެން ތެދުވެބަލަ، ކޮންމެވެސް ލިޒީއެއްވެސް އެބަ ގުޅާ، މިހާރު ހަތަރުވަނަ ފަހަރަށް އެމީހަކު އެގުޅީ” ނަވާލް ފެންވަރާލައިގެން ނުކުމެ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި ގަޔަށް ބޮޑީ ސްޕްރޭ ޖަހާލަމުން ބުނެލިއެވެ. އެވަގުތު މޯނާވެސް ލޯހުޅުވާލީ ނަވާލުގެ ބޮޑީ ސްޕްރޭގެ މީރުވަސް ދުވުމުންނެވެ.
“އަދި އަހަރެން ނިދިޔަ ދީބަލަ، ރޭގަ ވަރަށް ލަހުންނޭ ނިދީ، ނަވާ ތިހިރީ ރޭގެ ނުލާހިކު އަވަހަށް ނިދާފަ، އެހެންވީމަ ޓަޔަރޑްއެއްނުވާނެއެއްނު” މޯނާ ކުސްތަޅާލަމުން ބުންޏެވެ.
“އެހެންވީރު ތިފޯނު ސައިލެންޓަށް ލައިގެން އޮވޭ ނިދަން، އަދި އެބައޮތޭ ވާހަކައެއް ބުނަން، ރޭގަ މޯނާ މާލަހުން އައީމަ މަށަށްވެސް ފޫހިވެގެން ނިދުނީ، އެހެންވެ ނުބުނެވުނީ…” ނަވާލަށް ރަނގަޅަށް ވާހަކަ ފަށައިނުގަނެވިގެން އުޅެނިކޮށް މޯނާ ވާހަކަދެއްކިއެވެ.
“ދެން ތަންކޮޅެއް އަވަހަށް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ” މޯނާ އެނދުގެ އަރިމަތީގައި ހުރި ލޭމްޕުގެ ކައިރީ ބާއްވާފައި އޮތް ފޯނު ނަގަމުން ބުނެލިއެވެ. މޯނާ ބުނިއެއްޗަކުން ނަވާލް ހައިރާންވި ނަމަވެސް އެކަން މާބޮޑު ކަމަކަށް ނުހަދައެވެ.
“އަރީޖު އެގެއެންނު، އަހަރުމެންނާ ބެންކޮކުން ދިމާވިއެއްނު ކަޕްލްއެއް ދޯ، އެމީހުންގެ އެނިވާރސަރީ ފާހަގަ ކުރާތީ މިރޭ އެގެއަށް އައިސް ދިނުމަށް ދައުވަތު ދީފަވަނީ، މޯނާ މިރޭވެސް އެހާ ލަހުންތަ އަންނާނީ، އެހެންނަހައްދައްޗޭ، މިރޭ ތަންކޮޅެއް ކުރިން އަންނާތި، އަހަރެން ބޭނުން އަރީޖު މެންގެއަށް ދާން، އަނެއްކާ އަހަރުމެން ދެމީހުން އެކުގައި ތަނަކަށް ނުދާތާ ވަރަށް ދުވަސްވެސް ވެއްޖެއެންނު” ނަވާލު ކެރެމެލް ކުލައިގެ އޮފުދާރު ކުރެވިފައިވާ ރީތިވާ މޭޒުގައި ދެއަތް ވިއްދާލައިގެން، އޭގައި ކުޑަކޮށް ޖެހިލައިގެން ހުރެ، އެނދުގައި އޮތް މޯނާއަށް ބުނެލިއެވެ. ވަރަށް ފަސޭހައިން މޯނާ ހޫން ލައްވާލިއެވެ. އެއީ އޭނާގެ އާދައެވެ. ނަވާލު އެދޭ އެއްވެސް ކަމަކަށް އޭނާ ދެކޮޅެއް ނުހަދާނެއެވެ. އެކަމަކު އެކަމެއް އޭނާގެ ފަރާތުން ފުރިހަމަވާނީ ވަރަށް މަދު ފަހަރަކުއެވެ. މިހެންވެ އަނެއްކާވެސް ނަވާލު އަޑަށް ބާރުލާފައި އޭނާގެ ރަޙުމަތްތެރިޔާގެ ދަޢުވަތުގެ މުހިންމުކަން މޯނާއަށް ވިސްނާދޭން އުޅުނެވެ.
“އޯ ނޯ… އަހަރެން ހަނދާންވެސް ނެތް، ވަން އެންޑް އޮންލީއަށް ދާންވެގެންނޭ ލިޒީ އެގުޅަނީ، ނަވާލް އަޅެ ތަންކޮޅެއް ކުރިން ގޮވާލި ނަމަ” މޯނާގެ ފޯނުގައި އޮތް މެސެޖު ނަވާލު ދެއްކި ވާހަކައަށްވުރެ މުހިންމުވިއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ނަވާލަށް ހުރެވުނީއެވެ.
އެއްޗެއް ބުނަން ނޭނގިފައި ޝަބާ އިންއިރު ނާއިލު އަދިވެސް އޮތީ ނިދާފައެވެ. އޭނައަށްވެސް ހޭލެވުނުތާ މިވީ މަދުވަގުތުކޮޅެކެވެ. އަވަހަށް ފެންވަރާ ރީތިވެލައިގެން އޭނާ އިނީ ނާއިލު ހޭލާނެ އިރަކަށެވެ. އޭރު އޭނާގެ ބަނޑުން ގޮހޮރު ހުސްވެގެން ގޮސް ކުކުރާއަޑު އިވެމުންދިޔައެވެ. އެހެންނަމަވެސް މެންދުރުގެ ކެއުން ތައްޔާރު ކުރާނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރަމުންދިޔައީ، އެހާއިރަށް ނާއިލުވެސް ހޭލާނެކަން އެނގޭތީއެވެ. މީކާ އައިސް ކޮޓަރީގައި ޓަކިދިނީވެސް އެވަގުތުއެވެ. ޝަބާ ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު ދޮރުމަތީގައި ހުރި މީކާ ފެނުނެވެ.
“ނާއިލު، ނިދާފަ…” ޝަބާ އިޝާރަތްކޮއްލަމުން ބުނެލިއެވެ.
“މެޑަމް، ނާއިލު ބާތު ޓައިމް” މީކާވެސް ވާހަކަދެއްކުމުގެ ތެރެއިން އޭނާގެ އަތުކުރީގައި އޮތް ގަޑި ދައްކާލިއެވެ. ތިރީ ތުންފަތުގައި ދަތްއަޅާލެވުމާއިއެކު ޝަބާއަށް ވިސްނާލެވުނެވެ. އަދި ނުކެރިފައި ހުރެވެސް، މީކާގެ ކުރިމަތީ ހަމަޖެހޭކަން ޝަބާ ދައްކަން ބޭނުންވިއެވެ. އެހެންވެ ނޭވާ ހިފަހައްޓައިލައިގެން ހުރެ ނާއިލުގެ ގާތަށް ގޮސް މަޑުމަޑުން ގޮވަން ފެށިއެވެ. ކަންނެތްކަމާއިއެކު ނާއިލު ލޯހުޅުވާލިއެވެ. އޭނާއަށް ޝަބާ ފެނުމުން ދެލޯ ބޮޑުކޮއްލެވުނެވެ. އަދި ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ.
“ވަރަށް ލަސްވެއްޖެ، މިހާރު އެހެރަގެން މެންދުރު ބާރަ ޖަހަނީ، މީކާ އެހެރީ ނާއިލު ފެންވަރުވަން އައިސް، ހެނދުނުގެ ނާސްތާއަށްވެސް ނުދެވުނު، މެންދުރުގެ ކާކަޑިއަށް ދެވޭތޯ ބަލަންވާނެއެންނު، އެހެންނޫނީ މަންމަމެން ހީކުރާނީ ކީކޭ” ޝަބާ ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކަމާއިއެކުއެވެ. ނާއިލު މަޑުމަޑުން ބޯޖަހާލީ ޝަބާ އާއި އެއްބަސްވާކަން ހާމަކުރުމަށެވެ. މީކާއަށް، ޝަބާ އަތުން އައުމަށް އިޝާރާތްކޮއްލުމާއިއެކު، އޭނާ އައިސް ނާއިލުއަށް އެހީވާން ފަށައިފިއެވެ. ޝަބާ، މީކާ، ނާއިލު ތައްޔާރުކުރާ ވަގުތުގައި އެކޮޓަރިތެރޭގައި ހުންނަން ބޭނުންނުވާތީ، އޭނާ ނުކުތީ ގްރީން ހައުސް އާއި ވީ ފަރާތަށެވެ. ކޮޓަރީގެ ބޭރުގައި އޮތް ކޮރިޑޯގައި ހުރި އޮނުންވިޔެފައި ހުރިކަހަލަގެ ގޮނޑީގައި ޝަބާ އިށީނެވެ. އޭގައި ލެނގިލާ ދިމާލުގަ އާއި އިށީނުމުން ބުޑުޖެހޭތަނުގައި ވަރަށް އާދައިގެކޮށް ތައްޔާރުކޮއްފައި އޮތް ދެކުށަން ހުއްޓެވެ. ދެފަރާތަށް ބަލާލުމަށްފަހު ޝަބާ އޭނާގެ ދެފައި ގޮނޑިއަށް ނަގައި ގަޔާކައިރިކޮއްލައިގެން އިނެވެ. ދެފަރާތް ބަލާލެވުނީ އެހިސާބުގައި ގޭގެ މެންބަރަކު ފެންނަން ހުރިތޯއެވެ. އެއީ ގޮނޑިއަށް ފައިނަގައިގެން އަންހެނުން އިނުމަކީ އޭނާ ދެކޭ ގޮތުގައި ހުތުރުކަމެކެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ ހަމަޖެހިލައިގެން އިންނާށެވެ. ފެންނަމުންދިޔަ މަންޒަރުގެ ހިތްގައިމު ކަމާއިއެކު ހިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ.
މެންދުރުގެ ކެއުމުގައި އަސްލަމްގެ އިތުރުން ހަމައެކަނި ބައިވެރި ނުވާ މެންބަރަކީ މޯނާއެވެ. އެކަމާ އެކަކުވެސް ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް ނަވާލުގެ ހިތަށް އެކިއެކި އެއްޗެހި އަރަމުންދިޔައެވެ. ގޭގެ ކެއުމުގެ ވަގުތަކީ އަބަދުވެސް މުޅި ޢާއިލާގެ ހުރިހާ މެންބަރުން ބައްދަލުވާ އުފާވެރި ވަގުތުކޮޅެކެވެ. މިފަދަ ވަގުތެއްގައިވެސް މޯނާ ގޭގައި ނެތުން ޢާންމު ކަމަކަށް މިހާރު ވެއްޖެއެވެ. އެކަމާ ނަވާލު ކަންބޮޑުވެސް ވެއެވެ. މޯނާއަށް މާބޮޑަށް މިނިވަކަން ދެވެނީއޭވެސް އޭނާގެ ހިތަށް އަރައެވެ. ފިކުރުގެ ތެރޭގައި އޭނާ އިނީ ބަސްމަދުވެފައެވެ. އޭނާގެ ކުރިމައްޗަށް އިން ނާއިލު ދޭތެރެއަކުން ސަމީރާ އާއި ޖެހިގެން އިން ޝަބާއަށް ބަލާލައެވެ.
ސަމީރާއަށް ނަވާލުގެ މޫނުމަތީގައިވާ ނުތަނަވަސްކަން ނަގައިގަނެވޭ ވަރަށްވުރެ އޭނާގެ ސަމާލުކަންވަނީ ނާއިލު އާއި ޝަބާއަށް ދެވިފައެވެ. ކާމޭޒުދޮށުގައި ސަމީރާ އާއި ޖެހިގެން ހުރި ގޮނޑީގައި އިނުމަށް އާދެވެފައިވާ ޝަރުމީލާ އިނީ އަދިވަކިން ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާގެ މަޤާމުގައި ސަމީރާ އާއި ޖެހިގެން އިނީ ޝަބާއަށް ވީތީއެވެ. މީގެ ކުރިންވެސް އެގެއަށްވަނީ ޅީދަރިއަކު އައިސްފައެވެ. އެހެންނަމަވެސް ސަމީރާއަށް މިފަދަ ބޮޑު ބަދަލުތަކެއް އައިތަނެއް ޝަރުމީލާ ނުދެކެއެވެ.
ޝަބާ ހީވަނީ ކިރިޔާ ހައިކަން ފިލާވަަރަށް ކާހެންނެވެ. އެންމެނަށްވުރެ ކުރިން އޭނާ އަބަދުވެސް ކައިނިމެއެވެ. އެކަމާ ސަމީރާ ހިތްހަމަނުޖެހިގެން ފާޑުކިޔައެވެ. އަދި އޭނާ އަމިއްލައަށް ޝަބާގެ ތައްޓަށް އިތުރު ބަތްސަމްސަލެއް އެޅިއެވެ. އެއާއިއެކު މޭޒުމަތީގައި ހުރިއްޔާ ހުރިވައްތަރަކުން ސަމްސަލެއް އެތައްޓަށް އަޅައިފިއެވެ. ފާޅުގައި ދެކޮޅުހަދަން ނުކެރޭ ޝަބާއަށް ޖެހުނީ އެޅި އެއްޗެހި ހުސްކުރާށެވެ.
ކާމޭޒުދޮށުން ނާއިލު އާއި ނަވާލު ދިއުމާއިއެކު، ޝަބާ، ސަމީރާއަށް އެހީވާން އުޅުނެވެ. އެކަންވެސް ވީ ސަމީރާގެ ރުހުން އިތުރަށް ޝަބާއަށް ލިބުނު ކަމަކަށެވެ. ޝަބާ އެގޮތަށް އެކަން ކުރީ އެނިޔަތުގައި ނޫނަސް، އޭނަ ބޮޑުވީ އެފަދަ މަސައްކަތްތައް ކުރަމުންނެވެ. ގޭގައި ނޯކަރުން އުޅޭއިރުވެސް ސަމީރާ ތަށިތައް ނެގުމުގައި އުޅެން ފެށުމުން އެތަން ބަލަން ހުރުމަކީ ހުތުރު ކަމަކަށް ޝަބާއަށް ވީއެވެ. މިމަންޒަރު ބަލަން އިން ޝަރުމީލާގެ ތުން ކޮޅުކޮޅަށް އެނބުރުނުތަން ފެނުނެވެ. އަދި ލޮލަށް އެހަދާލި ގޮތަކުން އޭނާގެ ހިތަށް ކޮންމެވެސް އެއްޗެއް އަރައިފިކަން އެނގެއެވެ.
“ވަފިއްޔާ ގުޅި ރޭގަ، ޝަބާ މަންމައަށް ގުޅާނުލަންތަ” ސަމީރާ ބުނިއެއްޗަކުން ޝަބާއަށް ހައިރާންކަން ލިބުނެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއެރިއެވެ.
“މަންމަ، އަހަރެންގެ ހާލު ބަލަން ބޭނުންނަމަ، މަގޭ ފޯނަށް ގުޅާނީ… އެވާނީ ކޮންމެވެސް ކަމަކު ގުޅީކަމަށް، އާން… ޔަގީން، ނާއިލު މަންމަ ގާތު ކަމަކު ކިޔަންވީ ކަންނޭގެ، އެހެންނު ވާނީ، ދަރިފުޅު މިހާރު މިހިރީ ނެތްވަރުގެ މުއްސަންޖަކާ ދެވިފަވިއްޔަ، ކީއްވެތަ މަންމަ ތިހެން ތިއުޅެނީ، އަހަރެންގެ ދިރިއުޅުން ކުޅޭ ކުޅިވަރަކަށް ތިހަދާލީ…” ޝަބާގެ ހިތުގެ ދޫހަރަކާތްކުރީ ސިއްރުންނެވެ. އެހިތުން ދެއްކި އެއްވެސް ވާހަކައެއް އެކަކަށްވެސް އަޑެއްނީވެއެވެ.
“ވަފިއްޔާއަށް ގުޅާލައްޗޭ މިއަދު، ދަރިފުޅު މަތިން ވަރަށް ހަނދާންވާތި ވެގެން ކަންނޭގެ އެއުޅެނީ، ނޫނީ ހަވީރުން ގެއަށް ގޮސްލަންވީނު، އޭރުން ޝަބާގެ މަންމަ އުފާވާނެއެންނު” ސަމީރާގެ ވިސްނުން ކިތަންމެހާވެސް ރަނގަޅެވެ. އެކަމަކު އެއީ ރަނގަޅު ހިޔާލަކަށްވެދާނެ ކަމާއިމެދު ޝައްކު އުފެދެނީ ހަމައެކަނި ޝަބާގެއެވެ. އެހެންނަމަވެސް ސަމީރާ ބުނިއެއްޗަކަށް އެއްބަސްވުމުގެ ގޮތުން ޝަބާ ބޯޖަހާލިއެވެ.
“ބީބީ… ވާހަކައެއް އަހާލަންތަ” ބޮޑު ކޮޓަރީގައި ހުރި ސޯފާތަކުން ސޯފާއަކަށް ވެއްޓި އޮތް ނާވާލު އެތަނުގައި އިން ނާއިލުއަށް ބުނެލިއެވެ. ބީބީ އަކީ ނަވާލު އާއި ނާއިލު އެކުގައި ބޮޑުވަމުން އައިއިރު ޚުދު ނަވާލު އަމިއްލައަށް ނާއިލުއަށް ހަރުކުރި ނަމަކެވެ. އޭގެ މާނައަކީ “ބިގް ބްރަދަރ” އެވެ. ދޮށީ ބޭބެއެވެ.
“ހޫމް، އަހާބަލަ” ނާއިލު ސަމާލުކަން ކުޑަގޮތަކަށް ބުނެލިއެވެ.
“ބީބީ މެރީ ކުރީމަ ހެޕީތަ، ޝަބާ ކިހިނެއް، ވަރަށް ކަޓު ދޯ، އޭނަ ބަދަލުކޮއްލަންވީނު” ނަވާލު ވިސްނުންތެރިކަމާއިއެކު ނާއިލުގެ މޫނަށް ބަލަހައްޓައިގެން އޮވެ ވާހަކަދެއްކިއެވެ. އެހެން ބުނުމުން ނާއިލުގެ މޫނަށް އައިސްދާނެ އެންމެ ކުޑަކުޑަ ބަދަލުވެސް ދެނެގަންނަން ނަވާލު ބޭނުންވެފައި އޮތްކަހަލައެވެ. ނަމަވެސް ހައިރާންވީ އޭނަ ބުނިއެއްޗެއްގެ ޖަވާބުގައި ނާއިލުގެ ފަރާތުން އިވުނީ ލުއި ހީނލުމަކަށްވީމައެވެ.
“ވިސްނުން ތަފާތުވުމަކީ ކަޓުވުމެއްނޫންދޯ، އަހަންނަކީ މީހަކު ބަދަލުކުރެވޭނެ ހާލެއްގައި އިންމީހެއްނޫން، އެހެންނޫނަސް، މަންމަގެ އުފާވެރިކަން ނަވާއަށް ނުފެނޭތަ” ނާއިލު މިހެން ބުނެލީ ފުންވިސްނުމެއްގައި އިނދެއެވެ.
“އޯ… މިހާ އަވަހަށްތަ، ހާދަ ފާސްޓޭ ދޯ، ކީއްތަ ކުރީ” ނަވާލު ބެލީ އަދިވެސް އޭނާގެ ބޭބެ އާއި ދިމާކޮއްލެވޭތޯއެވެ.
“ކަމޯން މޭން، ކީކޭ ކިޔަންތަ ތިއުޅެނީ، މަގޭ ލައިފްއަށްވުރެ އިންޓަރެސްޓިންގް އެހެން ކަންތައްތައް ހުންނާނެ، ސޯ ޕްލީޒް… ޖަސްޓް ލީވް އިޓް” ނާއިލު، ޝަބާ އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވީއެވެ. އެހެންނަމަވެސް ނަވާލު އޭގެ މާނަ ނެގީ އޭނާގެ ހިތަށްއެރިގޮތަކަށެވެ.
“އެއޮށް ކަޓު ކުއްޖާ ބީބީއަށް ތިވަރުކޮއްލަފާނެ ކަމަކަށް އަހަރެން ހިތަކަށް ނާރާ، ބީބީ މިހާއަވަހަށް ހިތްކީ ދޯ… ޔަކް…” ނަވާލު އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އެކަމާ ހީނލި ނާއިލު އަނގައިން ނުބުނެ އިނީއެވެ. އޭނާގެ އަމިއްލަ ހިތާ ދޭތެރޭވެސް އިތުބާރު ގެއްލޭފަދަ ގޮތެއް ވެފައެވެ. އެއީ އޭނާގެ ހިތުން އަދިވެސް ފޮހެނުލެވޭ ހަނދާންތަކެއް ވާއިރު ޝަބާ އާއިމެދު ވިސްނެނީ ކީއްވެކަން ނޭނގޭތީއެވެ. ސިކުނޑި ވިސްނާދެނީ އެއީ ހަމްދަރުދީކަމުގައެވެ. ނަމަވެސް ހިތް މުޅިއަކުން އެއްބަހެއްނުވެއެވެ. ފާޑެއްގެ ބުނެދޭންނޭނގޭ ގޮތްތަކެއް ނާއިލުއަށް އިޙްސާސް ކުރެވޭކަން ގައިމެވެ.
ހަވީރުގެ ވަގުތެވެ. ދެހިޔާލެއްގައި ހުރި ޝަބާއަށް ސަމީރާގެ އަޑުއިވުނެވެ. ފަހަތުން އައިސް ޝަބާގެ ގާތުގައި ދޮރުމަތީ ހުއްޓުނު ސަމީރާ ގޭން ނިކުތުމަށް އިޝާރާތްކޮއްލިއެވެ. ހާސްވެފައި ހުރެ ސަމީރާ އާއިއެކު ޝަބާވެސް ނިކުމެގެން ގޮސް ކާރަށް އެރިއެވެ.
ގެއަށް ވަނުމަށްޓަކައި ގޯޅިތެރޭން އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއް ލަސްލަހުން އަޅަމުން ދިޔަޔަސް ޝަބާއަށް ހީވަނީ ވަރަށް ބާރު ސްޕީޑެއްގައި ދެވޭހެންނެވެ. ކުއްލިއަކަށް ދޮރޯށިން ބޭރަށް ނުކުތް ޝިހާނާއަށް ޝަބާ ފެނުމުން ދުވެފައި ގޭތެރެއަށް ވަދެއްޖެއެވެ. ޝަބާ އައީ އޭނާގެ އަމިއްލަ ގެއަށްވިޔަސް، އޭނާއަށް ލިބިފައިވާ ހާސްކަންވަނީ އިތުރުވެފައެވެ. ގޭގެ ސިޓިން ރޫމުގައި ވަފިއްޔާ އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ޝިހާނާ ދުވެފައި ގެއަށްވަނީ ކީއްވެކަން ޝަބާއަށް އޭރުވެސް އެނގުނެވެ.
“އަންގާވެސް ނުލަމެންނު، އަވަހަށް އާދޭ އިށީންނަން، މީ ކޮންދަތުރެއްތަ، ކޮންހާ ކޮތަޅުތަކެއް ހިފައިގެން ތިއުޅެނީ… އަނެއްކާ ބާޒާރުކުރަން ނުކުމެތަ ތިއުޅެނީ” ވަފިއްޔާ ސޯފާއަށް އިޝާރާތްކޮއްލިއެވެ. އޭނާގެ ގާތުގައި ހިނިއައިސްފައި ޝިހާނާ ހުއްޓެވެ.
“ވަފިއްޔާ ގުޅާލީމަ އަހަންނަށް އެނގުނޭ ދަރިފުޅު މަތިން ހަނދާންވީކަން، އެހެންވެ މިއައީ ހަމަ މިގެއަށް، މީ އަހަރެން ވަފިއްޔާއަށް ގެނެސްދިން އެއްޗެއް، ބަލާލަބަލަ ކަމުދޭތޯ” ސަމީރާ އޭނާގެ އަތުގައި އޮތް ތިންކޮތަޅު ވަފިއްޔާއަށް ދިއްކޮއްލިއެވެ. އެހުރިހާ އިރު ޝަބާއިނީ ކެތްތެރިކަން ކުޑަގޮތަކަށް ވަފިއްޔާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހާލު މަންމަ އަހާނޭ ވަގުތަކަށެވެ. ނަމަވެސް އެވަގުތެއްނައެވެ.
“ހާދަ ރީތި ފޮތިގަނޑު ތަކެކޭ، ސަމީރާއަށް އެނގޭ އަހަންނަށް ކަމުދާ ކަހަލަ ހަދިޔާ ދޭން… އަސްލުވެސް ހާދަ ރީއްޗޭ މިފޮތިތަ” ވަފިއްޔާގެ ބައްތިރީސް ދަތް އެއްފަހަރާ ފެނިގެންދިޔަ ކަހަލައެވެ. އޭނާއަށް އެތަނުގައި ޝަބާ އިންކަންވެސް ފާހަގައެއް ނުކެރެވޭ ކަންނޭގެއެވެ. ސަމީރާ އާއި ވަފިއްޔާގެ ވާހަކަ އޮލަވި ވަގުތު ބަލާފައި މަޑުމަޑުން ޝަބާ ތެދުވެގެން އެމީހުންނާއި ދުރަށް ދިޔައެވެ. ސަމީރާގެ ލޮލުގައި ޝަބާގެ ހަރަކާތްތައް އަޅައިގަތް ކަމަކު އެކަން އޭނާއަށް އެނގޭކަމަކަށް ނުހަދައެވެ. އެވަގުތު ވަފިއްޔާގެ ގާތުގައި ހިނިއައިސްފައި އިން ޝިހާނާ ތެދުވެގެން ޝަބާގެ ފަހަތުން ހިނގައިގަތެވެ.
“ތުއްތާ، އަސްލު ވަރަށް ފޫހި އެނގޭ ތުއްތަ ނެތީމަ، މިހާރު މަންމަ ހުރިހާ ހަޅޭކެއް ލަވަނީ މަށަށް، ތުއްތަ ހުރިއިރު އެކަމާ ކުރިމަތި ލާކަށް ނުޖެހޭ… ހެ ހެ ހެ… ދެން ބުނެބަލަ، މިހާރު ލައިފް ވަރަށް ސަޅިވެއްޖެ ދޯ” ޝިހާނާ ފަހަތުން އައިސް ޝަބާގެ ކޮނޑަށް އަތްވައްޓާލަމުން ވާހަކަދެއްކިއެވެ. މަޑުމައިތިރި ކަމުގެ ހިނިތުންވުމަކާއިއެކު ޝަބާ މާގިނަ ވާހަކައެއް ނުދެއްކިއެވެ.
“އަން، މިއަށް ދޭބަލަ ނަޖުމާ މެންގޭން ހެދިކާ ގަނެގެން އަންނަން، ބާކީ ރުފިޔާ ޝިހާނާއަށް… މަންމައަށް ނޭނގޭނެ ގެއަށް މެހެމާނުން އައީމަ، މެހެންމާނުންނަށް ކަންތައްކުރަން ޖެހޭނީ ކިހިނެއްކަންވެސް، މިހާރު އޭނީ ލިބުނު ހަދިޔާއިން އިނދެވުނު ތަންވެސް ހަނދާންނެތިފަ” ޝަބާ އޭނާގެ އަތްދަބަހުން ދުއިސައްތަ ރުފިޔާ ޝިހާނާއަށް ދިއްކޮއްލަމުން ބުނެލިއެވެ. އެއާއިއެކު ލާނެތް ފާޑަކަށް ޝިހާނާވެސް ވަފިއްޔާއަށް ބަލާލާފައި ހީނލިއެވެ. އަދި ބާކީ ރުފިޔާ ހޯދުމުގެ ބޭނުމުގައި އަވަހަށް ޝަބާ ބުނިކަންތައް ކުރުމަށް އަވަސްވެ ގަތެވެ.
ކަބަޑުން ތަބަކެއް ނަގާ ކެކިފައި ހުރި ހޫނުފެން ދެޖޯޑަށް އަޅައި ސައި ތައްޔާރުކޮއްލި ތަނާހެން ޝިހާނާ ހެދިކާ ކޮތަޅު ހިފައިގެން އައިސް ގެއަށްވަނެވެ. ތަށިތަކަށް އެ އެއްޗެހި އަޅާލުމަށްފަހު ޝަބާ، އޭނާގެ ގާތުގައި އުޅުނު ޝިހާނާއަށް ތަބަށްގެންގޮސް ސޯފާތަކުގެ ކުރިމަތީގައި ހުރި ކުޑަމޭޒުގެ މަތީ ބެހެއްޓުމަށް ބުންޏެވެ. ޝަބާގެ ހުރިހާ ހަރަކާތެއް ބަލަމުން ދިޔަ ސަމީރާ ވާހަކައިގެ ތެރެއިން ފުންނޭވާއެއް ލިއެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. މައިންބަފައިންގެ އައިބުތައް ފޮރުވަން ދަރިއަކު މަސައްކަތް ކުރާތަން ފެނުމުގެ ނަސީބު އޭނައަށް މިއަދު ލިބިއްޖެއެވެ. އަދި އެނާ އެންމެ އުފާވީ. އޭނާގެ ދަރިއެއްގެ މަގާމުގައި މިއަދު އެއަންހެން ކުއްޖާ ހުރީމައެވެ. އޭނާގެ ސަބަބުން ސަމީރާގެ ހަޔާތް ބާއްޖަވެރިވެގެން ދާނެކަމުގެ ފޮނި އުއްމީދުންނެވެ. އެހެންމީހުންނަށް އޭގެ އޮފުކަމާ ދަޅަ ނުފެނުނު ކަމުގައި ވިޔަސް މިއަދު ސަމީރާއަށް ޔަގީންވާ އެއްކަމެއް އެބައޮތެވެ. ޝަބާއަކީ އިތާގެ ބަނޑުގައިވާ މުތް ފަދަ އަންހެން ކުއްޖެކެވެ. ހަރުދޮށިގަނޑަކުން ރައްކާތެރިކުރެވިފައިވާ، އޭގެ ނަސީބު ކޮންމެ މީހަކަށް ނުލިބޭނޭ އަގުބޮޑު ޖަވާހިރެކެވެ. އޭނާގެ ކޮންމެ ހަރާކަތެއްގައިވަނީ ސަމީރާގެ ހިތަށް ފިނިކަން ގެނެސްދޭފަދަ އަސަރެކެވެ. އެފަދަ ރީތި އުޅުމެއް ޝަބާއަށް ދަސްކޮއްދިނީ ހަމަ ވަފިއްޔާ ބާއޭ އޭނާގެ ހިތަށް އަރައެވެ.
“ދަރިފުޅު ސައިނުބޯނަންތަ” ވަފިއްޔާގެ ކުރިމަތީގައި އިނދެ އޭނާ ބުނަންޖެހޭފަދަ އެއްޗެއް ސަމީރާގެ ދުލުން ބޭރުވިއެވެ. މައިވަންތަ ކަމުގެ އޯގާތެރިކަމާއި ލޯތްބާއިއެކުއެވެ.
“އެއީ ތެދެއް، އަންނަންވީނު ސައިބޯން” ވަފިއްޔާ ދެއްކުންތެރި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
“މަންމަ މެންނަށް ހެދި ސަޔޭ މީ، ދޯ ޝިހާނާ… އަޅުގަނޑު ފަހުން ސައިބޯނީ، މަންމަމެން ސައިބޮއެ ނިމުނީމަ، އެބަ އަންނަން” ޝަބާ ހަމަޖެހިލަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން އެމީހުންގެ ކުރިމަތިން ޝަބާ ގެއްލި ޝިހާނާގެ އަތުގައި ހިފައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނަސީބަކުން އެކޮޓަރީގެ ދޮރު ހުރީ ތަޅުނުލައެވެ.
“މީ ކޮންކަމެއް؟” ކޮޓަރި ތެރެ އޮތްގޮތް ފެނުމުން ލިބުނު ހައިރާން ކަމާއިއެކު ޝަބާއަށް އަހާލެވުނެވެ.
“މަންމަމެން މިކޮޓަރިއަށް ބަދަލުވެފަ، މަންމަމެންގެ ކޮޓަރި ކުއްޔަށް ދޭންވެގެން އުޅެނީ، އެހެންވެ މަންމަމެންގެ ބައެއް ސާމާނު މިކޮޓަރިއަށް ވައްދާފަ އެހެރީ، މަންމަ ބުނި ދެން ތުއްތައެއް ނާންނާނެއޯ މިގޭގަ އުޅޭކަށް، ތުއްތަ އުޅޭނީ ހަޒްބަންޑް މެން ގޭގަކަމަށް” އެއްވެސް ކަމެއް ނޭގޭ ކަމަށް ހަދާލަމުން ޝިހާނާ ވާހަކަދެއްކިއެވެ. ހަޤީގަތުގައި އޭނައަށްވެސް ޝަބާގެ ފިރިމީހަކީ ކޮންހާލެއްގައި ހުރި މީހެއްކަން އެނގެއެވެ. އަދި ދައްތަގެ ދިރިއުޅުމުގައި އުފާވެރިކަމާއި ހަމަޖެހުމެއް ނުވާކަންވެސް އެނގެއެވެ. އެހެންނަމަވެސް އެއީ އޭނާއަށް މުހިއްމު ކަމެއްކަމުގައި ޝިހާނާ ނުދެކުނީއެވެ.
“އެހެންތަ…” ޝަބާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނައަށް އެގެއިން ޖާގައެއްނެތްކަން އެވަގުތު ވިސްނުނެވެ. އަދި އޭނާ އެނބުރި އެގެއަށް އަންނާކަށްވެސް ވަފިއްޔާ ބޭނުން ނުވާކަން ޝަބާއަށް އެނގުނެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ އާއިލާއިން އޭނާ ދުރުކޮއްލާފައިވާވަރު މިއަދު މިއޮތީ ފެންނާށެވެ. ހިތަށްވީ ތަދާ ކުރި އަސަރާއިއެކު މުޅި ކޮޓަރިތެރެއަށް ޝަބާއަށް ނަޒަރު ހިންގާލެވުނެވެ. ވަށައިގެންވި ހަތަރުފާރުގެ ކުލަވަނީ ބަދަލުވެފައެވެ. އޭނާ އާއި ރާއިދުގެ ހިޔާލާއެއްގޮތަށް ތައްޔާރުކުރި އެކޮޓަރީގައި ހަމައެކަނި ފެންނަން ހުރީ ރާޢިދު ހޯދި ފަރުނީޗަރުތަކެވެ. އެއެއްޗެހީގައި ދިރުމެއްނެތްކަމަކު، އެއީ އޭނާ އާއި ރާޢިދުގެ ހަނދާންތަކާއި ގުޅުވައިދޭ ހަނދާނުގެ ރޮދިފައްތަކުން ބައެކެވެ. އެވެސް އެހެރީ ބުރިކޮއްލާފައެވެ. މިހާރު އެ އެއްޗިއްސެކޭ ޝަބާއަށް ބީރައްޓެހި އެއްޗިއްސެކޭ އެއްވަރެވެ. އިތުރަށް އެކޮޓަރި ތެރެއަކު ޝަބާއަށް ކެތެއްނުވިއެވެ. އަވަސް އަވަހަށް އެތަނުން ނުކުމެ ހަލުވިކަމާއިއެކު އައިސް ސަމީރާގެ ގާތުގައި އިށީނދެއްޖެއެވެ. އެގޭގައި އިތުރަށް މަޑުކުރަންވެސް ޝަބާ އިނީ ބޭނުންނުވެއެވެ. އެކަމަކު އެއީ އޭނާގެ އާއިލާ އުޅޭ ގެއެވެ. އޭނާ އައިސް އެއިނީ އޭނާގެ މަންމަ ދެކިލުމަށެވެ.
ރޭގަނޑު ހަތެއް ޖެހީއްސުރެން ނަވާލު އޭނާގެ އަންހެނުންނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މޯނާ އޭނާގެ ފޯނެއް ނުނަގައެވެ. ނުވައެއް ޖަހާއިރަށް ރަޙްމަތްތެރިޔާ ގަޑިކިޔާފައި ވާއިރު ނަވާލަށް އެހާއިރު ވީއިރުވެސް ދެވޭގޮތެއް ނުވިއެވެ. އެއީވެސް މޯނާގެ ޚަބަރެއް ނުވެގެންނެވެ. މީގެ ކުރިން ނަވާލު ހިތްހަމަ ނުޖެހޭވަރަށް މިރޭ އޭނާ ހުރީ މޯނާދެކެ ނުރުހިފައެވެ. މިނިވަންކަން ދިނުމުން ހައްދު ފަހަނަ އަޅައި ދާކަށް ނުވާނެއޭ އޭނާގެ އަމިއްލަ ހިތްވެސް އެވަގުތު ބުނެލިއެވެ. ނުރުހުންވެފައި ހުރެ ކޮޓަރިން ނުކުމެ ބެލްކަނީގައި މަޑުކޮއްލީ ތާޒާވައި ލިބުމުން ސިކުނޑި ހަމައަކަށް އެޅި ދާނެއޭ ހީކޮއްފައެވެ. ބެލްކަނީގެ ފާރުގައި ދެއަތް އަޅުވާލައިގެން ފޯނާ ކުޅެން ހުރި ނަވާލުގެ ފޯނަށް އަރީޖު ގުޅިއެވެ.
“އޭ، ޔޫ ގައީޒް ކޮބާ، އަނެއްކާ ނާންނަނީތަ، އެހެން ނަހަދައްޗޭ، ލިއު ތިހުމީހުން އަންނާނެ އިރެއްގެ އިންތިޒާރުގަ މިހާރުވެސް އެހެރީ، އޭނަ ބުނެގެން މިގުޅީވެސް” އަރީޖު ރަޙްމަތްތެރި ރާގެއްގައި ބުނެލިއެވެ.
“އަދި ނުދެވިގެން މިއުޅެނީ، އެކަމަކު މިދަނީ އިރުކޮޅަކުން، ދެން މާގިނައިރެއް ނުވާނެ” ނަވާލު ރަޙްމަތްތެރިޔާއަށް ހަޤީޤަތް ބުނެދެން ބޭނުންނުވީއެވެ. އަދި އެއްފަހަރު މޯނާއަށް ގުޅޭތޯ ބަލާލުމަށްފަހު، މޯނާ ފޯނު ނުނެގުމުން އޭނަ ހިނގައިގަތީ އަރީޖު މެންގެއަށް ދާށެވެ.
މީކާ، ނާއިލު އުފުލާލަމުން އެނދުގައި ބޭއްވިއެވެ. އަދި ނާއިލު ހިތްހަމަ ޖެހޭ ގޮތަކަށް އޭނާ އޮތުމަށް އެހީވެދިނެވެ. ޝަބާ އިނީ މީކާ އެކޮޓަރިން ނުކުންނަން ދެނެވެ. އެއާއިއެކު ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮއްލައިގެން ނިކުމެ ނިދަން އޮށޮންނަން ތައްޔާރުވެލުމުގެ ގޮތުން ކޮޓަރީގެ ނިދާބޮކި ޖައްސަން ޝަބާ އުޅުނެވެ. އެހިނދު ނާއިލު، ޝަބާއަށް ގޮވާލިއެވެ. ހަތަރުދަމު ނާއިލުގެ ސިކުނޑި ކަމުންދިޔަ ހިޔާލު ދުލުން ބޭރުކޮއްލަން އޭނާ އޮތީ ނުހަނު ބޭނުންވެފައެވެ.
“އަހަރެން… އަހަރެން މިވާހަކަ ރޭގަވެސް ބުނަން އުޅުނިން، އެކަމަކު ޝަބާއަށް އޮތީ ނިދިފަ، ޝަބާ، އަހަރެން އެއްޗެއް ބުނާއިރަށް ރޯން ނުފައްޓައްޗޭ… ޕްލީޒް…” ނާއިލު ދައްކަމުން ދިޔަ ވާހަކައަށް ދޭނެ ޖަވާބެއް ޝަބާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ ބޮލުގަ ރިއްސާލީ ނުބައި ފާލެއްގެ ކޮޅުމަތި ދައްކާލި ފަދަ ގޮތަކަށެވެ. ދެންވެސް އޭނާ ނާއިލު ދައްކަން އުޅޭ ވާހަކަ އަޑުއަހަން އިނީ ކެތްތެރިކަމާއިއެކު އިސްޖަހާލައިގެންނެވެ.
“އަހަރެން… ޝަބާ… ބޭނުމިއްޔާ…ވަރިކޮއްދީ…ފާނަން” އަޅައަޅައި ގަންނަމުން، މިހެންބުނި ނާއިލު ޝަބާގެ ޖަވާބަކަށް އެދި އޭނާ އާއި ދިމާލަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.
ޝަބާގެ ކަންފަތްދޮށުގައި ހީވީ ބާރު ހޮނުގުގުރިއެއް ޖަހާލިހެންނެވެ. ނަފްސަށް ލިބުނު ސިހުމާއިއެކުވެސް ތެޅިގަންނަން ނޭނގި، ގަނޑުވެފައި އިން ބުދެއްހެން ޝަބާ އިނެވެ. ބުނާނެ އެއްޗެއް ނޭނގި ސިކުނޑި ސުމަކަށްގޮސްފައެވެ. އޭނައަށް ނާއިލުގެ ނިންމުމަކާ ދެކޮޅެއް ނުހެދޭނެއެވެ. ނޫނީ ނާއިލުއަށް ފާޑުކިޔާކަށްވެސް އޭނާއަކަށް ނޭނގޭނެއެވެ. ނިންމަންވީ ގޮތެއް ހަމަ އެނގޭނީ ނާއިލުއަށެވެ. މިއަދު އޭނާއަކީ ދުނިޔެއަށް ގިނަވެފައިން އަންހެން ކުއްޖެއެވެ. އާއިލާގެ މީހުން އެމީހަކު ބާކީ ކޮއްލައިފިނަމަ ދެން އެމީހަކަށް އަޅާލާނެ މީހަކު ހުންނާނެއެކޭ ޝަބާގެ ހިތެއް ނުބުނެއެވެ. ހިތަށް ތަދުވެ ދެލޯ ފެންކަޅިވަމުން ދިޔައިރު، ޝަބާ އޭނާގެ ތިރީތުންފަތުގައި ދަތްއަޅާލީ ވަރަށްވެސް ބާރަށެވެ. ނާއިލު ބުނިހެން އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުމަކީ މިވަގުތު ޚުދު އޭނާވެސް ބޭނުންވާގޮތެއް ނޫނެވެ. ތުންފަތަށް ވަންނަމުންދިޔަ ދަތްތަކުގެ ތަދު އިޙްސާސް ވުމަށްވުރެ ޝަބާ ދިޔައީ ލޮލުގައި ގިނަވަމުންދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ. އިށީނދެ އިންއިރު ފައިމަތީ ބާއްވާލެވިފައިވާ އަތްތިލައިގެ ތެރޭގައި ހެދުން ބޮނޑިވަމުންދިޔައެވެ.
ނާއިލު، ޝަބާއަށް ބަލަހައްޓައިގެން އޮތެވެ. އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭނާއަށް ވިސްނުނު ގޮތުގައި ޝަބާވެސް އޭނާ ކަހަލަ މީހަކާއިއެކު އުޅޭކަށް ބޭނުމެއްނުވާނެއެވެ. އެއަންހެން ކުއްޖާ އެއުޅެނީ އޭނާގެ މައިންބަފައިންގެ ސަބަބުން މަޖުބޫރުވެގެންނެވެ. ޝަބާގެ ހަތަރެސްފައިގައި އެޅިފައިވާ ކަސްތޮޅުން އޭނާ މިނިވަން ކުރަން ނާއިލު ބޭނުންވަނީއެވެ. އޭނާގެ ސަބަބުން ޝަބާގެ ހަޔާތް ބަނަވެގެންދާކަށް އޭނާ އެއްގޮތަކަސްވެސް ބޭނުމެއްނުވެއެވެ. ނޭނގޭ ކަމީ، މިއަދު އޭނާއަށް އަޅާލަން އެންމެ ގާތުގައި ވީ މީހަކީ ނާއިލުކަމެވެ. ޝަބާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ނާއިލުއަށް ސުވާލުކޮއްލެވުނެވެ.
“ޝަބާ، ވާހަކަ ދައްކަބަލަ، ކޮންމެވެސް އެއްޗެއް އަހަރެން ގާތު ބުނެބަލަ” ނާއިލު ބުންޏެވެ.
“ނާއިލަށް… އެނގޭނީ… ނިންމާނެ ގޮތެއް” ހިތާމަތަށް ފޮރުވަން މަސައްކަތްކުރި ޝަބާގެ އަޑުވެސް ބަދަލުވެ، ކުރެހިއްޖެއެވެ.
“ތިހެން ބުނީމަ އަހަރެން ވަރަށް ކޮންފިއުސްޑް ވެއްޖެ، މީ އަހަރުމެން ދެމީހުން ނިންމަން ޖެހޭ ނިންމުމެއް، ޝަބާ ހާސްވަނީ އަހަރެންގެ މަންމަ ބުނެދާނެ އެއްޗަކާއިމެދުތަ، އެހެންނަމަ، އެކަމާ ހާސްނުވޭ، އަހަރެން މަންމައަށް ވިސްނައިދޭނަން، އަހަންނަށް ޝަބާ އާއިއެކު އުފަލުގަ ނޫޅެވޭނެކަން އެނގޭއިރު، އެކަމަށް މަންމަ މަޖުބޫރެއް ނުކުރާނެ، އަހަރެން ބުނެދާނަން، ހުރިހާ މައްސަލައަކީ އަހަރެންގެ މައްސަލައޭ، އެގޮތް އެންމެ ރަނގަޅެއްނު، އެހެންވިޔަސް ޝަބާގެ ހިޔާލު އަހަންނަށް ވަރަށް މުހިންމު” ނާއިލު ގެ ވާހަކަތަކުން އޭނާގެ މަޤްޞަދު ސާފުވެއެވެ. އެއްވެސް އޮޅުވާލުމެއް ނުވެއެވެ.
ދެންވެސް އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ޝަބާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނީމައެވެ. ނާއިލުއަށްވެސް ޝަބާ ލައްވާ ވާހަކަދައްކުވަން މަޖުބޫރެއް ނުކުރެވޭނެއެވެ. އަދި ކުރާކަށް އޭނާ ބޭނުމެއްވެސް ނުވިއެވެ. އެކަމަކު ޝަބާގެ އެހަމަހިމޭން ކަން ފަރުދާ އެކުރަނީ ކޮންކަމެއްކަން އެނގެން އޭނާވެސް ބޭނުންވެއެވެ. ޝަބާގެ ހިތާ ސިކުނޑީގެ އަޑު އޭނާގެ ކަންފަތާއި ހަމައަށް ފޯރާނެނަމައޭ ނާއިލުގެ ހިތަށްއެރިއެވެ. އެތަށް އިރަކު އިސްޖަހާލައިގެން ނުރޯން މަސައްކަތް ކުރި ޝަބާއަށް ބަލަން އޮތް ނާއިލު އޭނާގެ މޫނު އަނބުރާލީ، އެހެން އޮވެ އޮވެ ކަނދުރާ ވާޅުވެގެންނެވެ.
ފުންނޭވާތަކެއް ލަމުން ދިޔަ ނާއިލުއަށް ޝަބާ ބަލާލީ ސިއްރުންނެވެ. އޭރުވެސް އެދެލޮލުގައި ހައްޔަރު ކުރަމުން އައި ކަރުނަތަށް ހަނގުރާމަ ކުރަމުންދިޔައީ މިނިވަންވުމަށެވެ. ދެލޯ މަރާލައިގެން އޮތް ނާއިލުއަށް ނިދުނީކަން ޝަބާއަށް އެނގުމުން މަޑުމަޑުން ތެދުވެގެން އައިސް ނާއިލުގެ ގާތުގައި މަޑުކޮއްލިއެވެ. ވަރަށްވެސް ފުން ބަލާލުމަކުން އޭނާ ނާއިލުއަށް ބަލާލިއެވެ. އެގޮތަށް އޭނާ ނާއިލުއަށް ބަލާލި މީ ފުރަތަމަ ފަހަރެވެ. ނިދާފައި އޮތްއިރު އެމޫނުމަތީގައިވަނީ މައުސޫމުކަމެވެ. ނާއިލު ފައިދޮށަށް ވެއްޓި އޭނާއަށް އަންބަކަށް ވުމުގެ ފުރުޞަތު ދިނުމަށް އެދި އާދޭސްކުރަން ޝަބާ ބޭނުންވިއެވެ. އޭނާއަށް މިވަގުތު ހަމްދަރުދީވެދީ އެގޭގައި ބަހައްޓާދިނުމަށް އެދެންބޭނުންވިއެވެ. ޝަބާގެ ލޮލުން ފުރަތަމަ ކަރުނަތިކި ވެއްޓުނީ އެވަގުތުއެވެ. ޝަބާ ދެލޯ ފޮހެލަމުން ކުޑަދޮރުގެ ކައިރިއަށް އައިސް ފަރުދާ ދެފަރާތަށް ކަހާލިއެވެ. އަދި ނިދާބޮކި ދިއްލާލުމާއިއެކު ކުޑަދޮރުގެ ކައިރީ އިށީނދެއްޖެއެވެ. ބޮޑުކޮށް ހަދާފައިވާ އެކުޑަދޮރުގައި އިށީނދެވޭގޮތަށް އަޅާފައިވާ ފިލާފޮއްޗަށް ދެފައި އަރުވާލުމާއިއެކު އަރިމަތީ ފާރުގައި ބުރަކަށި ޖައްސާލި ޝަބާ އޭނާގެ ދެއަތުގެ ތެރޭ މޫނު ފޮރުވާލަމުންނެވެ.
(ނުނިމޭ)