NUFILAANEY THIHADHAAN [Part 5]


“ތެންކިއު…” ޒައުލް ގުދުވެލާފައި ވައިއަޑަކުން ޔޫހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“އަހަރެން ދެން ހަނދާންކުރާނަން ފޯނު ހިފައިގެން އުޅެން” ޔޫހާ މިހެން ބުނެލީ ޒައުލްގެ ހިތްހަމަޖައްސާލަ ދިނުމަށްކަމުގައި ވިޔަސް އޭނަ އެގޮތަށް ކަންތައް ކުރަން ނިންމިއެވެ. ޒައުލް އާއި ގުޅުމުން ދެންވާގޮތެއްވެސް އެނގިދާނެތާއެވެ. އެހެންމީހަކާ ގުޅުމަށްވުރެ ދަރިފުޅުގެ ބައްޕައަށް، ޔޫހާގެ ފުރަތަމަ ލޯތްބަށް ފުރުޞަތުދިނުން ރަނގަޅުކަމުގައި އޭނަ ދެކުނީއެވެ. އަދި އެއްފުރުޞަތު ޒައުލްއަށް ދޭން ބޭނުންވީއެވެ. އެއްވެސް މީހަކަށް ދިރިއުޅުމުގައި އެމީހަކު ގެންގޮސް ބީއްސާލާނީ ކޮންކަހަލަ އައްސޭރިއަކަށް ކަމެއް ނޭގޭނެއެވެ. އައިގަދަވަޔާ ތޫފާނުގެ އަސަރު ފިލާހިނގައްޖެއެވެ. އެހެންނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅަން ޔޫހާ ހުރީ ޖެހިލުންވެފައެވެ. މިއަދު އޭނަ އެފިޔަޅު އެނެގީ ޒައުލްގެ ދިރިއުޅުމަށް ވަނުމަށްޓަކައެވެ. ދެވަނަފަހަރަށެވެ. ލޯތްބައްޓަކައެވެ. އަދި އެލޯބީގެ ދެމިގެންވާ ނިޝާންކަމުގައިވި ކިޔާންއަށްޓަކައެވެ.

“އަހަރެން ހަމަ މިއަދު ބައްޕަ އާއި ހަމައަށް މިވާހަކަ ގެންދާނަން، ގޭގަ ދޮންތަގެ ކައިވެނި ކުރެވެން އުޅެނީ، އެކައިވެންޏާއިއެކު އަހަރެންގެ ކައިވެނިވެސް ކުރެވޭނެ…އޭރުން ޔޫހާ އުޅޭނީ އަހަރެންގެ ކައިރީ، ކިޔާންވެސް ހުންނާނީ އަހަރުމެން ދެމީހުންގެ ކައިރީ ދޯ، އޭރުން ކިޔާން އަބަދު ޑެޑީއޭ ގޮވާއަޑުއިވޭނެ، މާމަ ވަރަށް އުފާވާނެ ކިޔާން ފެނުމުން، އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން…މާމަ ބޭނުންވާނެ ޔޫހާ އާއި ބައްދަލުކުރަން، އެކަމަކު ބުނަން، މާމަ ވަރަށް ފާޑެއްވާނެ….އަހަންނަށް ޔޫހާ އެނގޭހެން އެހެން މީހުންނަކަށް ޔޫހާއެއް ނޭގޭނެއެއްނު ދޯ…” ޒައުލް އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ. ޔޫހާ ބަހެއްވެސް ނުބުނެ ޒައުލްގެ ހަރަކާތްތަކަށް ބަލަންހުރެ އޭނަ ދައްކަމުންދިޔަ ވާހަކަތަށް އަޑުއަހަމުންދިޔައެވެ. އޭރު އޭނަގެ ހިތަށް އަރަމުންދިޔައެވެ. ދާދި ކުޑަހިނދުކޮޅެއްކުރުން އޭނަގެ ކުރިމަތީ މޮޔައަކުހެން ރުޅިއައިސްރަތްވެފައި ހުރެ އެއްޗެހިކިޔަމުން ޔޫހާގެ ގަޔަށް އަތްފޯރުކުރަމުން ދިޔަ ޒައުލްބާއޭ ހަމައެއީ، އެހާ ބޮޑު ތަފާތެއް ކުއްލިއަކަށް އެއައީ ހަމަ ޔޫހާ ކައިވެންޏަށް ގަބޫލުވުމުން ބާއެވެ. މިހާރު ޒައުލް އުފާވެފައި ވާހަކަދައްކަމުންދިޔައިރު އެއިން އެއްވެސް ކަމެއް ނުވާފަދައެވެ. އެހާ އަވަހަށް އެކަންތައްތައް ހަނދާނުން ފޮހެލަން ޒައުލްއަށް ފަސޭހައީ ކީއްވެ ހެއްޔެވެ.

“ޔޫހާގެ އާއިލާ ކައިރީ ނުބުނާނަންތަ، މިހާރުވެސް އެންމެން ތިބެނީ ރަށުގަތަ” ޒައުލް ސުވާލުކުރިއެވެ. ޔޫހާގެ މޫނުމަތީގައިވި ހިނިތުންވުން އެކީގަހެން ފިލާހިނގައްޖެއެވެ. އޭނަގެ އާއިލާއަކީ ބޮޑު އާއިލާއެއްނޫނެވެ. އެހެންނަމަވެސް އޭނަ ޝާއިންގެ ކައިރިއަށް އައިފަހުން އާއިލާގެ ހާލުވެސް ބަލާނުލައެވެ. އެއްބަނޑު އެއްބަފާ ކުއްޖަކަށް ހަމައެކަނި ހުރި ދޮށީ ދައްތަ ގުޅިއަސް ޔޫހާ ފޯނުވެސް ނުނަގަނީއެވެ. ކަންވީގޮތުން އާއިލާއަށް މޫނު ދައްކަން ބޭނުންނުވަނީއެވެ. އޭނަ ހުރީ އެރަށުންނާއި އޭނަގެ އާއިލާ އާއިވެސް ދުރަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކޮށް ދުޢާކުރުމުގައެވެ. އެކަމުގައި އޭނައަށް އެހީވީ ހަމައެކަނި ޝާއިންއެވެ. އެއްގޮތަކުން އާއިލާގެ ކުށެއްނެތެވެ. އޭނަގެ ސަބަބުން އާއިލާއަށް ލިބުނީ ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ ހުތުރުނަމެކެވެ. ފުންހިތާމައެކެވެ. ޒައުލްގެ ސުވާލަށް ޔޫހާ ބޯޖަހާލީ އާއެކޭ ބުނުމަށެވެ.

“އަހަރެން މިހުރީ ތައްޔާރަށް ޔޫހާގެ ބައްޕަ އާއި ބައްދަލުކުރަން، ދެންތިބި މެންބަރުންނާވެސް ބައްދަލުކުރާހިތްވޭ، ޔޫހާ އަހަރެން ކައިރިން އެދުނީމެއްނު ރަށަށް ދާން، އަހަރެން ދާނަން، މިފަހަރު ދެމީހުން އެކީގަ ދޯ ދާނީ” ޒައުލް މިހެން ބުނެލަމުން އެތެރެއަށް ހިނގައިގަތެވެ. އެހެނީ އިރުގެ އަލި ސީދާ އެތަނުގައި ހުރި ބިއްލޫރި ކުޑަދޮރުން މުޅިކޮޓަރިތެރެއަށް އެޅެމުން ދިއުމުންނެވެ. ޔޫހާ ޒައުލްގެ ވާހަކައަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ އެނބުރި އެރަށަށް އަރާކަށް ގަސްދެއްނުކުރެއެވެ. އޭނަ ޝާއިންގެ ކައިރިއަށް އައީ މަޖުބޫރުވެގެން ނޫނީ ދެން އެނބުރި ރަށަށް ނުދާނަން ކަމުގައި އަމިއްލަ ނަފްސަށް ވައުދުވެފައެވެ. ޔޫހާއަށް އެރަށުގައި ކަންތައް ދިމާވި ގޮތުންނާ ކުރެވުނު ހިތި ތަޖުރިބާ ފުދެއެވެ. އަލުން އެކަމާ ކުރިމަތިލާން އޭނަ ބޭނުން ނުވަނީއެވެ. އެހެންނޫނަސް ބައްޕަ އާއި ބައްދަލުކުރެވޭނީ އެބައްޕަ ދުނިޔޭގައި ހުރިނަމައެއްނޫންހެއްޔެވެ.

ޒައުލްގެ ވާހަކަތައް ޔޫހާ އަޑުއަހަމަދިޔައިރު ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ޒައުލްއަށް ސިއްރުކުރަމުންދިޔައެވެ. އޭނައަށް ޒައުލްގެ ފަރާތުން ކުއްޖެއް ލިބުނުއިރު އޭނައަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ނޭގުނެވެ. އެހެންވިޔަސް އޭނަ ޒައުލްގެ ބަހަށް އިތުބާރުކުރީއެވެ. އޭނަގެ އެއުއްމީދުތަކާއި ދެވަނަ ފަހަރަށް ދިން އިތުބާރު ގެއްލުވާނުލާނެކަމުގައި ހީކޮށެވެ. ޒައުލްގެ އަތުގެތެރޭ އެހާ ގާތްކޮށް ހުރުމަށް އޭނަވެސް ހުދު ބޭނުންވެއެވެ.

“ކީއްވެތަ އެއްޗެއް ނުބުނީ….އޯކޭ، ފަހުން ދެން އެވާހަކަ ދައްކާނީ، އަހަންނާއިއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވާންވީނު” ޒައުލް ޔޫހާއަށް ދައުވަތު އެރުވީ ހިނިއައިސްފައި ހުރެއެވެ. ޔޫހާ ޒައުލްގެ ދެލޮލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ޒައުލް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލާފައި ޔޫހާ ކައިރިކޮއްލިއެވެ. ދެމީހުން އެކުގައި ހިނގާލާފައި އައިސް އެކޮޓަރީގައި ހުރި ސޯފާސެޓުގެ ދިގުގޮނޑީގައި އިށީނދެއްޖެއެވެ. އޭރުވެސް ޒައުލް އިނީ ޔޫހާ އޭނަގެ އަތުގެ ތެރެއަށް ލައިގެންނެވެ. އޭނަގެ ލޮލުގައި ޔޫހާގެ އެރީތި ސޫރާ ހުއްޓިފައިވާ ތަސްވީރެއްހެން ކުރަހަމުން ދާފަދައެވެ. މަދުފަހަރަކު ނޫނީ އެސްފިޔަޖަހާނުލާ އިން ޒައުލްގެ ލޯ ޔޫހާ އާއި ވަކިކޮއްނުލައެވެ.

“އަހަރެން ވާހަކައެއް އަހަންތަ؟” ހިމޭންކަން ފޫދުއްވާލަމުން ޔޫހާ އަހާލިއެވެ.

“އަވަހަށް އަހާ…އަހަރެން ޔޫހާ ކުރި ކޮންމެ ސުވާލަކަށް ޖަވާބުދޭނަން” ޒައުލް އެއްފައި ކުޑަކޮށް ސޯފާގެ މައްޗަށް އަރުވާލަމުން ޔޫހާ އާއި ދިމާލަށް އެނބުރިލާފައި ބުނެލިއެވެ. އޭނަ އަންގަންބޭނުންވާކަހަލައެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް މިވަގުތު ދެވިފައިވަނީ ޔޫހާއަށް ކަމެވެ.

“ޝާއިންއަށް އެފަދަ މަތީ މަގާމެއް ހަވާލުކުރަން ތިއުޅެނީ އޭނަގެ ގާބިލް ކަމުންތައް، ނޫނީ އަހަންނާ ހެދިތަ….ޒައުލް، އަހަރެން ބޭނުމެއްނޫން ޝާއިންގެ ލައިފް އާއި ޒައުލް ސަމާސާކުރާކަށް” ޔޫހާގެ އަޑުގައިވި ސީރިއަސްކަން ޒައުލްއަށް ނަގައިގަނެވުނެވެ.

“އަހަރެން ކީއްކުރަން ޝާއިންގެ ލައިފް އާއި ސަމާސާ ކުރަންވީ، ފައުޒީ ނެތުމުން އަހަންނަށް ވަރަށް އުނދަގޫވޭ، ހަމަ އެފަދަ މީހަކު އަހަރެން ބޭނުންވޭ ފަހުން މިހުޅުވި ގާޑަންވިއު ހޮޓެލްއަށްވެސް، ކޮންމެވެސް މީހަކަށް މިމަގާމްތައް ދޭން ޖެހޭނެތާ، އަނެއްކޮޅުން މިހާރު ފައުޒީގެ މަގާމުވެސް ވަނީ ހުސްވެފަ، އެމަގާމަށް އަހަރެން ގެންނަން ބޭނުންވަނީ އަހަންނަށް އިތުބާރު ހިފޭ މީހަކު، އަހަރެން ޝާއިން ހިޔާރު ކުރީ އޭނައަކީ ތެދުވެރި މަސައްކަތަށް ފަރުވާބަހައްޓާ، ޚާއްޞަކޮށް ޔޫހާ އޭނައަށް އިތުބާރުކުރާ މީހަކަށްވީތީ، އަހަރެންގެ އެންމެ ކައިރީގައި ތިބޭ މީހުންގެ ތެރޭ އަހަރެން ބޭނުން ޝާއިންވެސް ހުންނަން، އަހަރެން އޭނަގެ ރިކޯރޑްސްތައް ބެލިން، އޭނައަކީ ކިޔަވައިގެން ހުރި ގާބިލްމީހެއް، ގަވަޢިދާއެއްގޮތްވާގޮތުގެ މަތިން ބަރާބަރަށް ޕްރޮމޯޝަންލިބޭ، އެނގޭތަ ޝާއިންގެ ފަރާތުން ޔޫހާ އާއި އަހަރެން ދިމާވީ، އެކަމަށް ޝުކުރުއަދާކުރަންވެސް ބޭނުން….ޔޫހާ ތިހެން ތިއެހީ ޝާއިން އަހަރެންގެ އޮފާ ގަބޫލުނުކުރާތީތަ؟ ގައިމު އަހަރެން ކައިރިން އޭނަ ދިޔައީ ގާޑަންވިއުގެ އޮފާ ގަބޫލުކޮއްގެން” ޒައުލް ބުންޏެވެ.

“ޒައުލް ކަންތައް ކުރިގޮތުން އެންމެނަށް އެނގިއްޖެ ޒައުލްއަކީ ކިޔާންގެ ބައްޕަކަން، ޝާއިންގެ ވާހަކަ އަޑުއިވުމުން އަހުރުމެން ދެމީހުންނަށްވެސް އެފަދަ ގޮތެއް ފީލްވީމަ އަހާލެވުނީ، ޒައުލް އަހަރެން ހޯދަންވެގެން ޝާއިންއަށް މަތީމަގާމެއް ދިނުން އެއީ ޒައުލް އެކަން އެގޮތަށް ކުރަންވިސްނިނަމަ ވަރަށް ދަށްފެންވަރެއްގެ ޢަމަލެއް….” ޔޫހާގެ ވާހަކަތައް ޒައުލް މެދުކަނޑާލީ އެތުންފަތުގައި ޖައްސާލި ޒައުލްގެ އަތްތިލައިންނެވެ.

“އަހަރެން އެކަން ކުރީ އެއްވެސް ގޮތަކަށް ޔޫހާ ހޯދުމުގެ ނިޔަތެއްގައެއްނޫނޭ، ޝާއިން މިދޭތެރެއަށް ނުގެނެސްވެސް އަހަރެން ޔޫހާ ހޯދީމުސް” ޒައުލް ޔޫހާގެ ކޯތާފަތުގައި ފިރުމަމުން ބުނެލިއެވެ.

“އެހެންވެތަ ބުނީ ޝާއިންގެ ވަޒީފާ ގެއްލިގެން ހިނގައިދާނެއޭ، އަހަރެންގެ ސަބަބުން، އަހަންނަށް ވަޒީފާ ދިނީތީ” ޔޫހާ މިހެން ބުނުމާއިއެކު ޒައުލްގެ ހުނުމުގެ އަޑުއިވިގެންދިޔައެވެ. އަދި ކުއްލިއަކަށް ޔޫހާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ގެނެސް އެއަތުގެ ތެރެއަށްލާ ބައްދާލިއެވެ. އަދި ސޯފާގެ މައްޗަށް ޒައުލްވެއްޓިގަތް ހިނދު އޭނަގެ ގައިމަތީގައި އޮތް ޔޫހާ އެހެންނުހެދުމަށް ބުނަންފެށިއެވެ. ނަމަވެސް ޒައުލްގެ ހުނުމުގެ އަޑު މުޅިކޮޓަރިއަށްވެރިވެފައިވާ ހުސްކަމާ ހިމޭންކަން ނަގާލައިފިއެވެ. އެގޮތަށް އޭނަ ހެނިކޮށް ޔޫހާ ދުށްމީ ދެވަނަފަހަރެވެ. އެހަރުކަށިކަމުގެތެރޭގައި ޒައުލް ހިނިތުންވެލަން ހަނދާންނެތުނީ ކަމުގައި ޔޫހާއަށް ހީކުރެވުނީ ގޯހަކުންނެވެ. އަދިވެސް ޔޫހާ ލޯބިވި ޒައުލްގެ ލޯބިވެތިކަން އެކުލެވިފައިވާކަން މިއަދު އޭނައަށް ފެންނަމުން އެބަދެއެވެ. އެދުހުވެސް ޒައުލް ޔޫހާ ބޭނުންވިނަމަ….ޔޫހާ ހިތަށް އެރިއެއްޗަކުން ޒައުލްގެ ކަނދުރާ އާއި ދިމާލުގައި މޫނުފޮރުވާލިއެވެ.

ލޫލުއާއަށް ކައިވެނީގެ އުފާވެރި ޚަބަރުލިބުނީ ހާޒިމްގެ ފަރާތުންނެވެ. ހެނދުނު ޑިއުޓީއަށް ދިޔަމަގުމަތީ ހާޒިމްގެ ކާރުގައި އިންދައެވެ. އެމޫނަށްވެރިވި ހިނިތުންވުން އެތަށް އިރަކަށް ނުފިލާވިއެވެ. ހާޒިމް އޭނަގެ އާއިލާ އާއި ލޫލުއާގެ އާއިލާ ކައިވެންޏާއިމެދު ވިސްނާފައިވާގޮތެއް ކިޔާދިނެވެ.

“މާމަ އާއި ރޭގަވެސް ވާހަކަދެއްކިން، އެކަމަކު އެފަދަ ވާހަކައެއް ނުދައްކަވާ، އަހަރުމެންގެ ކައިވެންޏަށް މާލެ އަންނަން އުޅޭ ވާހަކައެއްވެސް ނުދައްކަވާ، ބައްޕަ އާއިއެކު ރޭގެ ކެއުމުގައި ބައިވެރިވިއިރު ވަރަށް ގިނަވާހަކަތައް ދެކެވުނު، އެހެންނަމަވެސް ބައްޕަވެސް ކައިވެނީ ހިލަމެއްވެސް ކޮއްނުލެއްވި….ހީވަނީ މާމަ އައުމުން ސަފްރައިޒްއެއް ދޭން ރާވަނީހެން، އެހެންވެ ކަންނޭގެ ބައްޕަ އެއްޗެއް ވިދާޅުނުވެ އެހުންނަވަނީ، ޔަގީން މާމަގެ ކަމެއް މީ، އެކަމަކު ހައިރާންވަން، އަހަރުމެން ދެމީހުން ކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކަނިސް ބައްޕަމެންނަށް މިގުޅުން އެނގިލެއްވި ގޮތެއް އޮންނަންވާނެ އެއްނު” ލޫލުއާ ބުނެލިއެވެ.

“އާން ވެދާނެ ތިހެން ކަމަށް، އަހަންނަށް ހީވަނީ ޒައުލްހެން ބައްޕަ ގާތު އަހަރުމެންގެ ގުޅުމުގެ ވާހަކަ ދެއްކީ” ހާޒިމް ހިނިތުންވެލާފައި ބުނެލިއެވެ.

ރޮޒޭން ބޭނުންވާވަރަށް ޝާއިން އާއި ބައްދަލެއްނުކުރެވެއެވެ. އާއިލާއަށް އެނގިދާނެތީ އޭނަ އަދިވެސް ޖެހިލުންވަނީއެވެ. އެކަމަކު ދެންކެތެއް ނުވާނެއެވެ. ކުޑަކުއްޖެއްކަމުގައި ބަލާ އުމުރު ފުރާވެސް މިހާރު ހިނގައްޖެއެވެ. އެހެންވިޔަސް އަދިވެސް އޭނަގެ އާއިލާގެ މެންބަރުން އޭނަ އާއިމެދު ކަންތައްކުރަމުން ގެންދަނީ ކުޑަކުއްޖަކަށް ކަންތައްކުރާފަދައިންނެވެ. އާއިލާގެ އެންމެ އިސްމީހަކަށް ހުންނަ ރޮޒޭންގެ ދޮންބެއަކީ ހަރުކަށިމީހެކެވެ. ގަވައިދުތަކާއި އުސޫލުތަށް ކަނޑައަޅާ ގޮތްބޮޑޫ މީހެކެވެ. ޝާއިންގެ ނަން އާއިލާގެ ތެރޭގައި ކިޔަންވެސް ޖެހިލުންވަނީ އެހެންވެއެވެ. ނަމަވެސް އޭނަގެ ލޯބިވާ މަންމައަކީ ހިތްތިރި އޯގާތެރި އަންހެނެކެވެ. ތަފާތުކުރުން ތަކާއި މުއްސަނދި ފަގީރުކަމާއި ދަރަޖަވަކިކުރުމަކީ އިންސާނާގެ ކިބައިގައި ހުރެގެންވާނެ ކަމެއްނޫންކަން ރޮޒޭންއަށް ދަސްވެފައިވަނީ އެމަންގެ ފަރާތުންނެވެ. ތުއްތުއިރު ބައްޕަ ނިޔާވެފައިވިއެއްކަމަކު ރޮޒޭންއަށް އެއްވެސް ކަމެއް އުނިވިޔަ ނުދެއެވެ. ޝާއިންގެ ނަންކިޔާލުމަށް އެމަންމަ ފުރުޞަތުދޭނެއޭ ރޮޒޭންގެ ހިތް ބުންޏެވެ.

“މޯނިންގް ލަވް…” ހޭލެވުނު ގޮތަށް ޝާއިންއަށް ގުޅާލި ރޮޒޭން ބުނެލިއެވެ.

“މޯނިންގ…” ޝާއިންވެސް ބުނެލިއެވެ.

“ހާދަ ސްވީޓްނޫން ގޮތަކަށް ތިބުނީ، ލޯބިން ބުނެބަލަ….” ރޮޒޭން ކަންނެތް އަޑަކުން ބުނެލިއެވެ.

“ރޯޒް، މިގަޑީގަ އެނގެއެއްނު ބިޒީވާނެކަން، މިނިކުންނަނީ ޑިއުޓީއަށް ދާންވެގެން، ގޮއްސަ ހަމަޖެހިލާފަ ގުޅާނަން އެނގޭ” ޝާއިންގެ އަޑުންވެސް އޭނަ ހުރީ ވަރަށް އަވަސް އަރުވާލާފަކަން އެނގެއެވެ. ރޮޒޭން އިތުރަށް ވާހަކަދައްކަން ބޭނުންނުވީ ޝާއިންއަށް ލަސްވެދާނެތީއެވެ.

“ދެން އަހަރެން ދޫކޮއްލާ، ރިޝްފާ ހިތަށް އަރާނެ އަހަރެން ދިޔައީ ކޮންތާކަށްބާއޭ، ހެނދުނު ޝިފްޓުގެ ސްޓާފުން އައިއިރުވެސް އަހަރެން ނުފެނުނީނު” ޔޫހާ މަޑުމަޑުން އޮވެ ޒައުލްގެ ކައިރީ ބުނަމުންދިޔައެވެ.

“ނޫން، އަހަރެންގެ އަތުގެތެރޭ މިގޮތަށް ޔޫހާ ހައްޔަރުކޮއްފަ ބާއްވަން ބޭނުންވަނީ، އަހަރެން ޑިއުޓީގެ ކަންތައްތައް ހަމަޖައްސާލަ ފާނަން، އެކަމަކު އަހަންނާ ދުރަށް ޔޫހާ ނުދޭ” ޒައުލް އޭނަގެ މޭގައި ބޯއަޅާލައިގެން އޮތް ޔޫހާގެ އިސްތަށިގަނޑުގައި ބޮސްދެމުން ބުނެލިއެވެ.

“އަހަރެން ޒައުލް އާއި ދުރަކަށް ނުދަމޭ، މިގަޑީގަ ގޭގަ ނޫޅޭނެ އެކަކުވެސް، ކިޔާން އެކަނިމާ އެކަނި އޮންނާނީ، އެހެންވެ އަހަރެން ގެއަށް ދާންޖެހޭނެ….ޝާއިންވެސް އަފޫވެސް ދާނީ އަހަރެން މިހާއިރު ވާއިރު ގެއަށް ދާނެކަން ޔަގީންވާތީ، ކިޔާން ހޭލާފަ އެކަނި ހުރިއްޔާ ވަރަށް ބިރުގަންނާނެ، ޒައުލްވެސް ތިއުޅެނީ އަދި ނުނިދައެއްނު، ތިހެން އުޅެފަ ކިހިނެއް ދެން އޮފީހަށް ނުކުންނާނީ” ޔޫހާ އޭނަގެ ހާލަތު ޒައުލްއަށް ބަޔާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަރެން ހީކުރީ އަހަންނާއިއެކު ހެނދުނުގެ ނާސްތާގައި ޔޫހާ ބައިވެރިވާނެކަމަށް، އެކަމަކު އޯކޭ، ތިބުނީ ކިޔާން އެކަންޏޭ އޮންނާނީ، ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން، އެކަމަކު ބުނަން އަހަންނަށް ސައިދޭންޖެހޭނެ….އަހަރެން ކައިރީ އެހާ އަވަހަށް ދާށޭ ބުނެގެން ނުވާނެ” ޒައުލް ޝަރުތުކުރިއެވެ.

“އޯކޭ…” ހިނިތުންވެލި ޔޫހާ އެއްބަސްވިއެވެ. ޒައުލްއަށް ފާޑުކިޔުން ރަނގަޅުނުވާނެކަން އެނގޭތީއެވެ.

“އޯނޯ….ކިހިނެއް މިލައިގެން ނުކުންނާނީ، މިގަޑީގަ މީހުންވެސް ގިނަވާނެ” ޒައުލްގެ ދެއަތްދުރުކޮއްލުމާއިއެކު އޭނަގެ ގައިމަތިން ތެދުވި ޔޫހާ އެތަނުން ނުކުތުމަށް އޭނަގެ ޖެކެޓު ނެގިވަގުތު ހަނދާންވެގެން ބުނެލެވުނެވެ.

“ސޮރީ…މަޑުކުރޭ، އައި ހޭވް އަ ސޮލިއުޝަން، ޔޫހާގެ ޔުނީފޯމް ޖެކެޓް ނަމްބަރ ބުނޭ” ސޯފާއިން ތެދުވި ޒައުލް މިހެން ބުނެ އަވަސްވެ ގަތީ އޭނަގެ ފޯނު ހޯދުމަށެވެ. ޔޫހާ އޭނަގެ ޖެކެޓު ނަންބަރު ބުނުމުން ޒައުލް ޖަމާލްއަށް ގުޅާލާފައި ހޮޓެލްގެ ސްޓޯރޫމްގައި ހުރި ޔުނީފޯމްތަކުން ޔޫހާ ބުނި ނަންބަރުގެ ޖެކެޓެއް ގެނެސްދިނުމަށް ބުންޏެވެ.

“ޖަމާލްއަކީ ޒައުލްގެ ޙާއްޞަ ނޯކަރަކީތަ” ބޭރުފެންނަގޮތަށް ހުރި ބިއްލޫރި ގަނޑުގެ ކައިރިއަށް ޖެހިލި ޔޫހާ އަހާލިއެވެ. އޭރު އޭނަގެ އަތުގައި ޒައުލް ވީދާލި ޖެކެޓުއޮތެވެ.

“ހޫމް…އަހަރެން ޔޫހާ އާއި އެންމެ ފުރަތަމަ ދިމާވިއިރުވެސް ޖަމާލް ހުންނާނީ އަހަރެންގެ ކަންތައްތަކަށް ޚާއްޞަކުރެވިފައި، އެއީ ބައްޕަ އެދިލެއްވިގޮތް، އަހަރެންގެ ވަރަށް ގިނަ ކަންތައްތައް ޖަމާލްއަށް އެނގޭނެ، ކުރީގަ ޔޫހާ އާއި ދިމާވިއިރު އަހަންނަށްވެސް ވަރަށް އުނދަގޫ ޖަމާލް ފަހަތުލައިގެން އުޅެން، އެކަމަކު މިހާރު، ކިތަންމެ ކުޑަކަމަކުވިޔަސް އަހަންނަށް އެންމެ ފުރަތަމަ ބުނެވޭނީ ޖަމާލް ކައިރީ، ޔޫހާގެ އެއްވެސް ކަމެއް މިހާރު ނޫނީ ޖަމާލްއަށްވެސް ނޭގޭނެ…..މަޑުކުރައްޗޭ، އެބަ އަންނަން، ޔޫހާގެ އަމާނާތެއް އަހަރެންގެ އަތުގައި އެބައޮތް” ޒައުލް ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނެލާފަދަ ގޮތަށް ބުނެލިއެވެ. އަދި އެތަނުގައި ހުރި ހެދުންލާ އަލަމާރީގެ ތެރެއިން އެއްޗެއް ހިފައިގެން އައިސް ޔޫހާއަށް ދިއްކޮއްލިއެވެ.

“އަހަރެންގެ އަމާނާތެކޭ، ޒައުލް އަތުގަ” ހައިރާންކަމާއިއެކު ޒައުލް ދިއްކޮއްގެން ހުރި މުއްކަވާލެވިފައިވާ އަތަށް ބަލާލާފައި ޔޫހާ ބުނެލިއެވެ. ޒައުލް ޔޫހާގެ އަތުގައި ހިފާލަމުން އެއަތުގެ ތެރެއަށް އޭނަގެ މުށުތެރޭގައިވާ އެއްޗެއް ލިޔެވެ.

“އޯ….ޒައުލް އަތުގަތަ މިދަތި އޮތީ….އަހަރެން ހީކުރީ މަގުމައްޗަށް ވެއްޓުނީކަމަށް” ޔޫހާގެ އަތަށް ޒައުލް ލާދިނީ ބޮލުގައި ޖަހާ ދައްޗެކެވެ. އެއީ ޔޫހާގެ ދައްޗެކެވެ.

“ހަނދާންވޭތަ، އެރޭ އެއީ އަހަރެންނާއި ޔޫހާ ކާރުގައި ގެއަށްދިޔަ ރޭ، ކިޔާންގެ ޑީ.އެން.އޭ ޓެސްޓް ހަދަންބުނީމަ ޔޫހާ ރުޅިއައިސްގެން ކާރުން ފައިބައިގެން ދިޔައީ، އަހަރެން ޔޫހާގެ އަތުގަވެސް ހިފިން ހުއްޓުވަންވެގެން، އެކަމަކު އަޑުގަދަ ކުރަންފެށުމުން އަތުން ދޫކޮއްލީ، އަވަހަށް ދާންއުޅެނިކޮށް ޔޫހާގެ ބޯ ކާރުގެ ދޮރުފަތުގެ މަތީގައި ޖެހިފަ މިދަތި ވެއްޓުނީ ކާރުގެ ތެރެއަށް، އޭރުއްސުރެ މިދަތި އޮންނާނީ މިއަލަމާރީގައި، މައްސަލައަކީ ތިރީތި އިސްތަށިގަނޑުން ދުވާ މީރުވަސް މިހާރު މިދަތިން ނުދުވާތީ…” ޒައުލް ކިޔާދެމުން ދިޔަ ކަންތައްތައް ޔޫހާގެ ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. ޒައުލްގެ ހަނދާނުގައި އެކަން ހަރުލާފައި ހުރުމުން އޭނަ ހައިރާންވިއެވެ. އޭނަ ހީކުރީ ޒައުލްއަކީ ވަރަށް ފަސޭހައިން ކަންތައްތައް ހަނދާން ނައްތާލާ މީހެއްކަމަށެވެ. ނަމަވެސް އެހެނެއްނުވިތާއެވެ. ޔޫހާގެ ތުންފަތަށް ލުއި ހިނިތުންވުމެއް އެހިޔާލުތައް ވެރިކުރުވިއެވެ. ދެމީހުންގެ މެދުގައި ނަފުރަތުގެ ބޯފާރެއް ލަމުން އައިސް ކުއްލިއަކަށް އެފާރު ކުދިކުދިވެގެން ދިޔައީ ކިހިނެއްކަމެއްވެސް އޭނައަށް ނޭގެއެވެ.

ޖަމާލް އައިސް ޒައުލްގެ ކޮޓަރިއަށް ވަނުމާއިއެކު ޔޫހާފެނި އަވަސް އަވަހަށް އޭނަގެ ބެލުންތިރިކޮއްލަމުން އަތުގައި އޮތް ޖެކެޓު ޒައުލްއަށް ދިއްކޮއްލިއެވެ.

“ތޭންކްސް ޖަމާލް، ކާރު ތައްޔާރު ކުރޭ، އިރުކޮޅަކުން އަހަރެން ތިރިއަށް މިދަނީ” ޒައުލް ޖެކެޓުގައި ހިފާލުމާއިއެކު ބުނެލިއެވެ. އިތުރު ސުވާލެއްނެތި އަވަސް ފިޔަވަޅުގައި އެކޮޓަރިން ޖަމާލް ނުކުތެވެ.

“މިޖެކެޓަށް ކިހިނެއް ހަދަންވީ” ޖެކެޓު ހެޔޮވަރުކޮއްލުމަށްފަހު ވީދިފައި އޮތްޖެކެޓު ޒައުލްއަށް ދައްކާލަމުން ޔޫހާ އަހާލިއެވެ. އޭނަގެ ހަރަކާތްތައް ހުރީ އަވަސްވެފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ގޭގައި އޭނަގެ ދަރިފުޅު އެންމެ ހިނދުކޮޅަކަށްވެސް އެކަނިވާކަށް ބޭނުމެއްނޫނެވެ. މިވަގުތު އަފްލީންވެސް ޝާއިންވެސް ވާނީ އެމީހުންގެ ޒިންމާ އަދާކުރުމަށްޓަކައި ގޮހެވެ.

“މިތާ ބާއްވާލާ، އަހަރެން ކޮންމެވެސް އިރަކުން ތިއަށް ގޮތެއް ހަދާފާނަން، ހިނގާ ދަމާ” ޒައުލް ނުކުންނަށް ދޮރާދިމާލަށް އަތްދިއްކޮއްލާފައި ޔޫހާއަށް ބުނެލިއެވެ.

“ނޫން، ޒައުލް އަދި މަޑުކުރޭ….އަހަރެން ކުރިން ނުކުންނާނީ، ދެން ޒައުލް ގޮސް ކާރުގައި މަޑުކުރޭ، އަހަރެން ކައުންޓަރަށް ގޮސް ދަބަސް ހިފައިގެން މިދަނީ” ޔޫހާ ކުރިއަށް ފިޔަވަޅެއް އަޅާލާފަވެސް ހުއްޓެމުން މިހެން ބުނެލިއެވެ. ޒައުލް ދެކޮނޑުއަރުވާލަމުން މައްސަލައެއްނެތް ކަމުގައި ބުނުމުން ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ދެފަރާތްބަލާލީ ސިއްރުންނެވެ. މީހަކު ފެންނަން ނެތުމުން އަވަސް އަވަހަށް ނުކުމެ ހިނގައިގަތީ އޭނަ ޑިއުޓީގައި އިން ރިސެޕްޝަން ކައުންޓަރާއި ދިމާލަށް ދިއުމަށެވެ. ވަކި ހިސާބަކަށް ގޮސް ލިފްޓަށް ނޭރެނިސް ކޮޓަރިއަކުން ދޮރު ހުޅުވާލި އަޑާއިއެކު ޔޫހާ ދިޔައީ ސިއްސައިގެންނެވެ. ހެނދުނުގެ އެގަޑީގައި ރޫމް ސާރވިސް ދޭން ސްޓާފުން އުޅޭކަން އެނގޭތީއެވެ. އެހެންނަމަވެސް ނަސީބަކުން އެކޮޓަރިން ނުކުތީ ރާއްޖޭން ބޭރުފިރިހެނެކެވެ. އޭނަ ހިނިތުންވެލާފައި ރޫމްގެ ދޮރު ތަޅުލުމަށް އުޅުނެވެ. ކުރިއަށްވުރެވެސް އަޅަމުންދިޔަ ފިޔަވަޅުތައް ހަލުވިކޮއްލުމާއިއެކު ޔޫހާ ލިފްޓަށް ވަނެވެ.

“މޯނިންގް ޔޫހާ…ރިޝްފާ ހިނގައްޖެ، ބުނި ޔޫހާ ބޭގް ބަލާ އަންނާނެ ވާހަކަ” ކައުންޓަރުގައި އިން ސްޓާފް ޔޫހާ އައިސް ކައުންޓަރު ކައިރީ މަޑުކޮއްލުމާއިއެކު ބުނެލިއެވެ.

“މޯނިންގް، އާން މިއައީ ބޭގް ބަލާ” ޔޫހާ ކައުންޓަރު މަތީ ބާއްވާލާފައި އޮތް އޭނަގެ ފޯނާއިއެކު ދަބަސް ހިފައިގެން ހިނގައިގަތީ އަންހެން ކުދިންގެ ލޮކަރ ރޫމްއަށް ދިއުމަށެވެ. އެއްވެސް މީހަކު އޭނަގެ ހަރަކާތްތަކަށް ސުވާލެއްނުކުރެއެވެ. އޭނަ ދިޔައީ ކޮންތާކަށްތޯވެސް މީހަކު ނާހައެވެ. ނަމަވެސް ޔޫހާ ހިތާ ހިތާ އެކިއެކި ސުވާލުތައް ކުރަމުންދިޔައެވެ. އެމީހުން ހީކޮއްފާނެ އެއްޗަކާއިމެދުއެވެ. ރިޝްފާ ހީކުރާނެ އެއްޗެކެވެ. އޭނަ އާއި ޒައުލްގެ ގުޅުން އެހެންމީހުން ދެކޭނީ ކިހިނެއްބާއެވެ.

ނިއުޅާލެވިފައިވާ ބުޅިއިސްތަށިގަނޑު އަތުން ރީތިކޮއްލުމާއިއެކު ޕާކްވިއުގެ ގޭޓުން ނުކުތް ޔޫހާ ކާރުގައި އިން ޒައުލްއަށް ފެނުނެވެ. އެހިނދު ޒައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ދެފަރާތަށް ބަލާލި ޔޫހާގެ ލޮލުގައި ޒައުލްގެ ކާރު އަޅައިގަތީކަން ގައިމެވެ. އޭނަ މިހާރު ހިނގަމުން އެއަންނަނީ ކާރާ ދިމާލަށެވެ. ޖަމާލް ހުރީ ކާރުގެ ބޭރުގައި ޔޫހާގެ އިންތިޒާރުގައެވެ. ކާރާ އަރާ ހަމަވުމާއިއެކު ޖަމާލް ޔޫހާއަށް ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލަދިނެވެ.

“ސޭ ސަމްތިން” ދުއްވަމުންދިޔަ ކާރުގެތެރޭ ޔޫހާ އެއްވެސް އެއްޗެއް ނުބުނެ ކާރުގެ ދޮރުން ބޭރަށް ބަލަން އިންނަން ފެށުމުން ޒައުލް ބުނެލިއެވެ. އެހެނީ ޔޫހާ ކާރަށް އެރީސުރެން އޭނަގެ ނަޒަރު ޔޫހާ އާއި ވަކިކޮއްނުލައެވެ.

“ކީކޭ ބުނަންވީ” ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. ޒައުލް ހިނިތުންވެލާފައި މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލަމުން ސީޓުގައި ހަމަޖެހިލިއެވެ.

ގޭދޮރުމަތީ ކާރު ޕާކުކޮއްލުމާއިއެކު ޔޫހާ ފައިބައިފިއެވެ. ޒައުލް އެހާއަވަހަށް ޔޫހާ މެންގޭން ދާން ގަސްތުނުކުރާ ވާހަކަ ޖަމާލްގެ ގާތުގައި ބުނެލިއެވެ. އަދި އޭނަ ތަނަކަށް ދާން ބޭނުންވެއްޖެނަމަ ޖަމާލްއަށް ގުޅާނެކަމާއި، ގުޅަންދެން ޔޫހާ މެންގޭ ދޮށުގަ ކާރު ނުބާއްވާ ދިއުމަށް ބުންޏެވެ. ޖަމާލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ޒައުލް ކާރުން ފޭބުމާއިއެކު ކާރު ދުއްވާލައިފިއެވެ. ޒައުލް ފޭބިއިރު ޔޫހާ ގޭތެރެއަށް ވަދެއްޖެއެވެ. އޭނަވެސް ޔޫހާގެ ފަހަތުން ގޭދޮރާށި ހުޅުވާލާފައިވަނެވެ.

“ތޭންކް ގޯޑް….” ސިޓިން ރޫމު ދޮރު ތަޅުދަނޑިން ހުޅުވާލުމަށްފަހު ގޭތެރެއަށްވަތް ޔޫހާއަށް ބުނެލެވުނެވެ. އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެނދުގައި ނިދާފައި އޮތް ކިޔާންފެނި ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ޒައުލްއަށް ބަލާލުމަށްފަހު އޭނަ ހުއްޓުން އެރީ ޒައުލް އާއި ދައްކާނެ ވާހަކައެއް އޭނައަށް ނޭގިގެންނެވެ. އަދި އެގޮތަށް އެގޭގައި އިނުމުން އޭނަ ހުރީ ކުޑަކޮށް ހާސްވެހަދާނެގޮތެއް ނޭގިފައެވެ.

“ސޯ…” ސިޓިން ރޫމު މެދެއްހާ ހިސާބުގައި ކޮޅަށް ހުރި ޒައުލް ޔޫހާއަށް ބަލަންހުރެ ބުނެލިއެވެ.

“ސޯ…” ޔޫހާވެސް ހަމައެހެން ބުނެލިއެވެ.

“އަހަންނަށް ސައިދޭންވާނެއޭ ބުނީމެއްނު” އެއްއަތް ޖީބަށް ޖަހާލައިގެން ހުރެ އަނެއްއަތުން ބޮލުގެ ފުއްކިބާގައި އަތްހާކާލަމުން ޒައުލް ބުނެލިއެވެ.

“ޒައުލް ހެނދުނު ސައިބޮނީ ކޯއްޗަކާތަ، އޭރުންނު އެނގޭނީ ތައްޔާރު ކުރަންވެސް” ޔޫހާ ކޮޓަރި ދޮރުމަތީ ޒައުލްއަށް ބަލަންހުރެ އަހާލިއެވެ.

“ޔޫހާގެ އަތުން ކޮންމެ އެއްޗެއްވެސް މީރުވާނެ” ޒައުލް ހެވިލާފައި ބުނެލިއެވެ.

“އެހެންތަ، އެހެންވީރު މިއުޅެނީ ސައިހަދައިދެން، އެކަމަކު މިތާ ސޯފާގަ މަޑުކޮއްލާ، އެބައަންނަން އެއްޗެހި ބަދަލުކޮއްލައިގެން” މިހެން ބުނެ ޔޫހާ ކޮޓަރިއަށްވަނީ ޒައުލް ބޯޖަހާލުމުންނެވެ.

ބަދިގޭގައި ސައިހަދަން ޔޫހާ އުޅުނުއިރު ކާމޭޒު ދޮށުގައި ޒައުލް އިށީނދެލައިގެން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ޔޫހާގެ ހަރަކާތްތަކަށް ބަލަންއިނެވެ. ޔޫހާއަކީ މަސައްކަތްތެރި ހީވާގި އަންހެނެއްކަން އޭނައަށް އެނގެއެވެ. އެކަމަކު އެގޮތަށް މަސައްކަތް ކުރުމަކީ އޭނަ ބޭނުންވާގޮތެއްނޫނެވެ.

“ކީއްވެތަ ގެންގުޅޭ މީހަކު މިގެއަށް ނުހޯދަނީ، އޭރުން ޔޫހާއަކަށް ނުޖެހޭނެއެއްނު ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް، އަނެއްކާ ޔޫހާ ނުހުންނަ ގަޑިތަކުގައި ކިޔާންގެ ކަންތައްތައްވެސް އޭނަ ކުރާނެއެއްނު” ޒައުލް ފާޅުކުރި މިހިޔާލު ޔޫހާއަށް ކަމަކު ނުދިޔައެވެ.

“މިހާރުވެސް މިއުޅެނީނު، ޒައުލް ބުނަން ތިއުޅެނީ މިހުރިހާ ކަމެއް ކުރަމުން އަހަންނަށް ކިޔާން ނުބެލޭނެ ވާހަކަތަ” ޔޫހާގެ ހިޔާލާ ވިސްނުން ހުރީ ތަފާތުކޮށެވެ.

“ނޫނޭ، އެހެންވެ ބުނިއެއްޗެއް ނޫން އެއީ، އަހަންނާ ޔޫހާ މެރީ ކުރުމަށްފަހު ނުޖެހޭނެ ތިހެން އުޅޭކަށް، ހުރިހާ ކަމެއް ކުރާނެ މީހުން ތިބޭނެ، ޔޫހާގެ ވަޒީފާއަކަށް އޭރުންވާނީ ރީތިކޮށް ނަލަހެދިލައިގެން އަހަރެންގެ ހިދުމަތުގައި އަހަރެންގެ ހިތްއުފާކޮއްދޭން ހުރުން، ޔޫހާ ބޭނުން ހުރިހާ އުފަލެއް އަހަރެން ހޯދަދޭނަން އެނގޭ…” ޒައުލް ބުނީ ކިތަންމެ އާދައިގެކޮށްނަމަވެސް ޔޫހާއަށް ޒައުލްގެ ވާހަކަތަކުން ފޮނިގޮތެއް އިޙްސާސްކުރުވިއެވެ. ޒައުލް އުފަންވީވެސް މުއްސަނދިކަމެއްގެ ތެރެއަށެވެ. ނުފޯރާފޮތިން ފޫގެޅުމަކީ ކޮބާކަންވެސް އޭނައަކަށް ނޭގެވިއްޔާއެވެ. އެކަމަކު އެދުވަސްވެސް ޔޫހާވަނީ ދެކެފައެވެ. އަމިއްލަ އަތުން އެންމެ ދުވަހަކުވެސް މަސައްކަތްނުކޮށް ހުރުމުގެ ފުރުޞަތެއްވެސް އަދި އެފަދަ އުފަލެއްވެސް އިޙްސާސްކޮއްލުމަށް ޔޫހާއަށް ނުލިބެއެވެ. މުއްސަނދިކަމާއި ފަގީރުކަމަކީ ނުވަތަ އާދައިގެ ދިރިއުޅުމެއް އުޅޭމީހަކަށް އެންމެ ލާރިއަކީވެސް ވަރަށް ބޮޑުއެއްޗެކެވެ. ޒައުލްމެންފަދަ މީހަކަށް ފައިސާއަކީ ބޯލާ ފެންފަދައެވެ. އެހެންވީމަ އެމީހުން ދައްކާވަހަކަވެސް ހުންނާނީ އެފަދަގޮތަކަށެވެ. ނުވާނެ ކަމެއް އެމީހުންނަށް ނޯންނާނެއޭ ޔޫހާގެ ހިތަށްއެރިއެވެ.

ލުއި ހީލުމަކާއިއެކު ޔޫހާ ޒައުލްގެ ކުރިމަތީ ބެހެއްޓިތަށީގެތެރޭ ޓޯސްޓްކޮއްފައިވާ ތިންޕާންފޮއްޗާއި ބިސްގަނޑެއްއޮތެވެ. އަދި ކުޑަތައްޓަކަށް ޖޭމްކޮޅަކާއި ބަޓަރކޮޅެއް ލައިގެން ގެނެސް ބެހެއްޓިއެވެ. ޒައުލްގެ ގާތުގައި އެއާއިއެކު ބޭނުންވަނީ ސައިތޯ ނޫނީ ކޮފީތޯ އަހާލިއެވެ.

“ކޮފީއެއް…މީ މިގޭގަ ހެނދުނު ސައިބޯން ހުންނަ އެއްޗެހިތަ” ޒައުލް ބުނެލިއެވެ.

“ނޫން، އަހަރެން ހެނދުނު ގޭގަ ހުރިއްޔާ ބައެއްދުވަސް ދުވަހަށް ރޮއްޓާ މަސްހުނިވެސް ހަދަން، ޕާން ގިނައިން ބޭނުންކުރެވެނީ އެހާ ހެނދުނާ އެންމެން ދާއިރު ލުއިގޮތެއް ހަދާލަން އެންމެންވެސް ބޭނުންވަނީ…އެހެންވެ، ދެން ހިތަށް އެރީ ޒައުލްވެސް ހެނދުނު ސައިބޯނީ ފާނާއޭ” ޔޫހާ ހިނިތުންވެލާފައި ބުނެލިއެވެ. އެވަގުތު ޒައުލް އޭނަގެ ޖީބުގައި އޮތް ފޯނުނެގިއެވެ. އެފޯނަށް ކޯލެއްއަންނަކަން ޔޫހާއަށް އެނގުނީވެސް ދެނެވެ. ޒައުލް ގޮނޑިން ތެދުވެ އެއްފަރާތަކަށް ޖެހިލަމުން ހެލޯއޭ ބުނެ ފޯނުން ވާހަކަދައްކަންފެށިއެވެ.

“ކޮންއިރަކުން ގެއަށް އަންނާނީ، ކޮއްކޮ ހޭލާ ދޯ ތިއުޅެނީ…” ލޫލުއާ ސުވާލުކޮއްލިއެވެ.

“ކަމަކުތަ ދޮންތަ، އަޑުން ހާދަ އުފާވެފަ ހުރިހެން ހީވެޔޭ، ކައިވެނީގެ ޚަބަރު ދޮންތަ އާއި ހަމައަށް ފޯރީ ދޯ، ބައްޕަ ބުނުއްވީތަ؟” ޒައުލްއަށް ޔަގީންވުމާއިއެކު ކައިވެނީގެ ވާހަކަ އަހާލެވުނެވެ.

“ހޫމް، އެކަމަކު އެކަން އެނގުނީ ބައްޕަގެ ފަރާތުންނެއްނޫން، ހާޒިމް ބުނީ، ކޮއްކޮތަ ބައްޕަ ގާތު އެވާހަކަ ދެއްކީ، އެނގޭތަ، މާމަވެސް ވަރަށް އަވަހަށް އެބަ ދުރުވޭ މާލެ، ދޮންތަ ގެ ކައިވެންޏަށް….ތޭންކްސް އަލޮޓް މައި ލަވިންގް ބްރަދަރ…” ލޫލުއާގެ އަޑުގައިވަނީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ.

“މާމަ މާލެ ދުރުވަނިއްޔޭތޯ….ކޮއްކޮ އީލާކްވެސް ގޮވައިގެންތަ….ކައިވެނި ކުރާ ދުވަސް ކަނޑައަޅައިފިތަ، ބައްޕަ އެކަހަލަ ވާހަކައެއް އަޅުގަނޑުގެ ގާތު ނުދައްކަވާ….އަޅުގަނޑާއި ހަމައަށްވެސް ދޮންތަގެ ކައިވެނީގެ ވާހަކަ ހިފައިގެން ދުރުވީ ބައްޕަ” ޒައުލް ބުނެލިއެވެ. އޭނައަށް މާމަ ލާއިގާ މާލެ އަންނަ ޚަބަރު ލިބުމުން ސިހުންވީއެވެ.

“ހާޒިމް ބުނީ އެހެން، ހާޒިމްގެ ބައްޕަ ގާތު ކައިވެނީގެ ވާހަކަ ދެއްކެވީވެސް ބައްޕަ، މާމަ މިކައިވެންޏަށް ވަރަށް ގަބޫލު ވާހަކަވެސް ބުނުއްވިކަމަށްވޭ، ބައްޕަ އާއި މާމަ މީގެން އެއްވެސް ވާހަކައެއް ދޮންތަ ގާތުގަ ނުބުނޭ، އެހެންވެ ކައިވެނި އޮތީ ކޮންތާރީހެއްގަ ކަމެއް ނޭގެ، ހާޒިމްއަށްވެސް އެނގޭހެނެއް ހިޔެއްނުވޭ، އެހެންނޫނީ ބުނާނެ ވަކި ދުވަހެއް….ކޮއްކޮ އެއްވެސް އެއްޗެއް ނުބުނަންޏާ ދެން ކިހިނެއްބާ މާމަ އާއި ބައްޕައަށް އެނގިލެއްވީ…” ލޫލުއާ ސުވާލުން ފުރިގެންވި ގޮތަކަށް ބުނެލިއެވެ.

“އޯ ޑޯންޓް ވޮރީ، އެނގުނުގޮތެއް ބެލުން އެހާ މުހިއްމެއް ނޫނެއްނު، ކައިވެންޏާއި ހަމައަށް ދޮންތަ ދާންބޭނުންވީ، އެކަން ވާން މިއުޅެނީ، ސޯ ބީ ހެޕީ….މާމަ އަންނާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ” ޒައުލްގެ ހިތުގައިވާ ކަމަކާ ގުޅުވާލާފައި ބުނެލިއެވެ.

“މީ ޓޫ…ސީ ޔޫ…ދޮންތަ ހީކުރީ ޒައުލް ކަމަށް ބައްޕަ ގާތު އެވާހަކަ ބުނީ، އެހެންވެ މިހާ ހެނދުނާ ގުޅާލީ، ސޮރީ ފޯ ޑިސްޓާބިންގް އެނގޭ” ލޫލުއާ ބުނެލިއެވެ. ޒައުލް އެއީ އެވަރުކަމެއްނޫންކަމުގައި ބުނެ ފޯނުކޯލު މެދުކަނޑާލިއެވެ. ފޯނުން އަތްތިލާގައި މަޑުމަޑުން ޖަހާލަމުން އޭނަ ވިސްނާލީ ޔޫހާ އާއި އޭނަގެ ގުޅުމާ ދޭތެރޭއެވެ. މާމަ ހީކުރިވަރަށްވުރެވެސް އަވަހަށް އެއަންނަނީއެވެ. ފަހަރެއްގައި ލޫލުއާގެ ކައިވެންޏަށްފަހު އަނެއްކާވެސް އީލާކް ގޮވައިގެން ފުރާފާނެއެވެ. އޭގެ ކުރިން ޔޫހާ އާއި ލާއިގާ އާއި ބައްދަލުކޮއްދޭން އެބަޖެހެއެވެ. ޒައުލް ކާމޭޒު ކައިރީ އޭނަގެ އިންތިޒާރުގައި އިން ޔޫހާއަށް ބަލާލިއެވެ. މާމަ ލާއިގާއަށް ކަމުދާކަހަލަ އެއްވެސް ގޮތެއް ޔޫހާއަށް ބަލާލުމުން ނުފެނުނެވެ. ޔޫހާއަށް ބަދަލުތަކެއް ގެންނަން ޖެހޭނެކަން އޭނަގެ ސިކުނޑި ވިސްނާދިނެެވެ. އެހެންނޫނީ މާމަ ލާއިގާގެ ދުލުން ރުހުމުގެ އެންމެ ބަހެއްވެސް ނުލިބޭނެއެވެ. ދެން އޮތީ ޔޫހާ އެކަމަށް ރުއްސުމެވެ. އެއީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. މިހިޔާލުތަކާއިއެކު ހިނިތުންވެލައިގެން ހުރެ ޒައުލް އައިސް ކާމޭޒުގެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ޔޫހާ ކާކުގެ ފޯންކޯލެއްތޯ އަހާލަން ބޭނުންވިޔަސް އޭނަ ބަހެއްވެސް ބުނެނުލާ ޒައުލް ސައިބޮންދެން އިނީއެވެ.

“ދޮންތަގެ ކައިވެނި ހަމަޖެހުނުކަން އެނގިގެން އެގުޅީ، މާމަވެސް މާލެ ދުރުވާނެކަމަށްވަނީ ކައިވެންޏަށް، އަހަރެން ބޭނުން މާމަ އާއި ޔޫހާ ބައްދަލު ކުރުވަން، ދާނަންތަ؟” ޒައުލް ސައިބޮމުން ވާހަކަދެއްކިއެވެ.

“ޒައުލް، އެއްޗެއް ހީނުކުރައްޗޭ…އަވަހެއް ނޫންތަ ކައިވެނި ކުރާކަށް” ޔޫހާ ބުނެލިއެވެ.

“ކީއްކުރަން ލަސްކުރަނީ، ޔޫހާވެސް އެއްބަސްވީމެއްނު އަހަންނާ ކައިވެނި ކުރަން، އަހަންނަށް އަވަހެއްނޫން….ޔޫހާ ކައިވެންޏާއިމެދު ހިޔާލު ބަދަލުވަނީތަ” ޒައުލް އަހާލީ ހައިރާންކަމާއިއެކުއެވެ.

“ނޫން…ޒައުލް ބޭނުންވީމަ ކައިވެނި ކުރަންވީ، ޒައުލް ބޭނުންވާގޮތަށް ކުރިއަށް ގެންދޭ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް، ޒައުލްގެ މާމަ އާއި ބައްދަލު ކުރުވަން ބޭނުންވާނަމަ އެކަންވެސް އަހަރެން ކޮއްފާނަން” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ. ހީވީ ޒައުލް ހިތްހަމަ ނުޖެހިދާނެތީ ބުނެލިހެންނެވެ.

ފުރަތަމަ ފަަހަރަށް ޒައުލް ޔޫހާގެ އަތުން ތައްޔާރުކޮއްފައިވާ ކޮފީތަށީގައި ތުންޖައްސާލަމުން ރަހަބަލާލިއެވެ. ޒައުލް އާމުކޮށް ބޯ ފެންވަރުގެ ކޮފީތައްޓަކަށްނުވިނަމަވެސް ޔޫހާގެ އަތުން ހެދާފަދިނީތީ އެކަމުގެ ހިތްހަމަޖެހުން އޭނައަށް ލިބުނެވެ. ކޮފީގައި ކުޑަކޮށް ފޮނިގަދަހެން ހީވިޔަސް ބޯލީ އެއްވެސް ފާޑުކިއުމެއްނެތިއެވެ. ޔޫހާ ވެސް ޒައުލް ސައިބޮމުންދިޔައިރު އެއްވެސް ވާހަކައެއްނުދައްކައެވެ. ޒައުލްވެސް ސުވާލެއްނުކުރާތީ އޭނަވެސް މަޑުން އިނީއެވެ. ޔޫހާގެ މަސައްކަތް ފެށުނީ ޒައުލް ސައިބޮއެ ނިމުމުންނެވެ. މެންދުރަށް ކެއްކުމަށްފަހު އަރާމުކޮއްލަން އޭނަ ހުރީ ބޭނުންވެފައެވެ.

ނުވައެއްޖަހާލާކަން ހާއިރު ކިޔާން ހޭލައިގެން އާފުރެމުން އައިސް ބަދިގެ ފަރާތަށްވަނީ އޭނަގެ މަންމަ ހުންނާނީ އެތަނުގައިކަން ޔަގީންވާތީއެވެ. އެކަމަކު އެމައުސޫމު މޫނުމަތިން ނިދީގެ އަސަރުފިލާގޮސް އަނގައިގައިވާ ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލީ ކާމޭޒުދޮށުގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އިން ޒައުލް ފެނުމުންނެވެ. ދެއަތްދިއްކޮއްލަމުން ދުވެފައި އައި ކިޔާން އުރާލާފައި އުނގުގައި ޒައުލް ބޭންދީ ލޯތްބާއިއެކުއެވެ. އެމަންޒަރު ފެނި ޔޫހާގެ ހިތް އުފަލުން ފުރުނުކަހަލައެވެ. ޒައުލްގެ ފަރާތުން ބޭނުންވަނީ އެފަދަ އޯގާތެރިކަމެކެވެ. ދަރިފުޅުދެކެ ޒައުލް އެހާ ލޯބިވެދާނެއޭ ޔޫހާ ހިއެއްނުކުރެއެވެ. ޒައުލް އާއި ދިމާވެގެން އެވާހަކަ ދައްކަން ޖެހިލުންވީވެސް އެހެންވެއެވެ. ޔޫހާ ކުރަންހުރި ކަންތައް ހުއްޓާލުމާއިއެކު ކިޔާންއަށް މައިލޯތައްޓެއް ހަދަން އަވަސްވެގަތެވެ. ހެނދުނު ހޭލާއިރު އެކުއްޖާ ހުންނާނީ އަބަދުވެސް ބަނޑުހައިވެ ހާންތިވާވަރުވެފައެވެ.

މައިލޯތަށި ބޯލި ކިޔާންގެ ތުން ޔޫހާ ދޮއްވާލުމާއިއެކު ޒައުލްގެ އުނގުން ފައިބައި އޭނަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިއުމަށް އުޅުނެވެ. ޒައުލް ކީއްކުރަންތޯ ސުވާލުކުރަން ފެށުމުން ޔޫހާ ޒައުލްއަށް ގޮވާލިއެވެ.

“ކިޔާން އާއިއެކު ދާންވީނު، އަހަރެން އިރުކޮޅަކުން ފިޔާކޮށަން މިއުޅެނީ، އަނެއްކާ ކައްކަންފެށީމަ ގައިގަ ވަސްހިފާނެ….” ޔޫހާ ބުނެލިއެވެ.

“ތީ ވަރަށް އިރުން ކުރެވޭކަމެއްތަ….ކޮންއިރަކުން ޔޫހާ އަންނާނީ” ޒައުލް ގޮނޑިން ތެދުވެފައި އަހާލިއެވެ.

“ހެ ހެ ހެ….ކައްކަންށޭ މިއުޅެނީ، ކުޑައިރުކޮޅެއް ނަގާނެ، ނިންމާލާފަ ކޮޓަރިއަށް ދާނަން” ލުއި ހީލުމަކާއިއެކު ޔޫހާ ބުނެލިއެވެ. ޒައުލްއަށް ޔޫހާ ހީލުމުން ކުރެވުނީ މޮޔަ ސުވާލެއްހެން ހީވެ އޭނަ އަމިއްލައަށްވެސް ހީލެވުނެވެ. އަދި ކިޔާން އާއިއެކު ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.

މެންދުރަށް ކައްކާ ނިންމާލާފައި ޔޫހާ ބަދިގެން ނުކުމެގެން ކޮޓަރިއަށް ދިޔައިރު އޭނަގެ އެނދުގައި ބަންޑުން ނިދާފައި ޒައުލްއޮތެވެ. އޭނަގެ ކައިރީ ދެފައިވައްކޮއްލައިގެން ކިޔާން ވަރަށް ވިސްނައިގެން ކުލަޖައްސަން އިނެވެ.

“ދަރިފުޅު…މަންމަގެ އެނދު މުޅިން ހަރާބުވާނެ މިފަހަރު، މަންމަ ބުނަމެއްނު ތިރީގަ އިންނައްޗޭ ނޫނީ ޕްލޭ ކޯނާގަ އިނދެގެންނޭ ތިކަހަލަ ކަންތައް ކުރާނީ” ޔޫހާ އަވަސްވެގަތީ ފިބާކުލަ ތަކާއި ފަންސޫރު ކުލަތަކުން އެނދުގެ ބެޑުޝީޓު ހަޑިވެފައިހުރިތޯ ބެލުމަށެވެ.

“މަންމީ، ކޮއްކޮ ހަޑިއެއްނުކުރަމޭ…ޑެޑީބުނީ ފޮތުގަ ރީތިކޮށް ކުލަޖައްސަން، އޭރުން ޑެޑީ ހޭލާފަ ބޮޑު ޕްރެޒެންޓެއް ދޭނަމޯ” ކިޔާން ބުނެލިއެވެ. އެއާއިއެކު ޔޫހާއަށް ކިޔާން އެހާ ޝައުގާއެކީ ފޮތެއް ހިފައިގެން އިން ސަބަބު އެނގުނެވެ. އޭނަގެ ގާތަށް ހިނިވެސް އައެވެ. ދެން ބަލާލެވުނީ ޒައުލްއަށެވެ. ގަދަނިދީގައި އޮތީ އަރައިގެން ހުރި ކެޝުއަލް ބޫޓާއެކީގައެވެ. އެނދުން ބޭރަށް ދެފައިތިލަ އެލުވާލާފައިއޮތީ އެހެންވެގެންކަންނޭގެއެވެ. ޔޫހާ ފެންވަރާލަން ފާހާނާއަށް ވަންނަން އުޅެފަވެސް ހިޔާލުބަދަލުވިއެވެ. އޭނަ އައިސް ޒައުލްގެ ފައިކައިރީ ކުޑަކަކޫ ޖަހާލުމާއިއެކު ޒައުލްގެ ބޫޓު ބޭލިއެވެ. އަދި އިސްޓާކީނުވެސް ބޭލުމަށްފަހު ބޫޓުގެތެރެއަށް ލާ ކޮޓަރީގެ ދޮރުކައިރީ ބޫޓު ބެހެއްޓީ އޭނައަށް ފެންނާނޭ ގޮތަށެވެ.

ފެންވަރާލައިގެން ނުކުމެ ޔޫހާ މެންދުރު ނަމާދުކޮއްލައިގެން ސިޓިންރޫމު ދޮރުތަޅުލިއެވެ. އަދި ކިޔާންއަށް ގޮވާލުމަށްފަހު ޔޫހާ އަފްލީންގެ ކޮޓަރީގައި އޮންނާނަން ކަމުގައިބުންޏެވެ. ކިޔާން އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ޔޫހާއަށް ގޮވަންވެސް ބުންޏެވެ. އެހެންވެ ޔޫހާ އަފްލީންގެ އެނދުގައި އޮށޯތީ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލާފަ ބަހައްޓާފައެވެ. މީގެ ކުރިންވެސް ޔޫހާ ޑިއުޓީ ނިންމާފަ އައިސް ނިދަން ހަދަނީ އެހެންނެވެ. ގޭގެ އެކަކުވެސް ނެތިއްޔާ ޔޫހާ ކިޔާންއަށް ވިސްނާދީފައި ނިދާލަނީއެވެ. ކިޔާންވެސް ފޫހިކަމެއްނެތި އުޅެއެވެ. ކަމެއް ބޭނުންވެއްޖެނަމަ ޔޫހާއަށް ގޮވާލާނެއެވެ. ނޫނީ އޭނަވެސް ކުޅެކުޅެ ފޫހިވުމުން ޔޫހާގެ ގާތަށް އަރާ ނިދަނީއެވެ.

މަންސޫރު ޒައުލްއަށް ގުޅާލީ ހެނދުނުގެ ނާސްތާގައިވެސް އަދި މެންދުރުގެ ކެއުމުގެ ވަގުތުގައިވެސް ޒައުލް ނުފެނުމުންނެވެ. ހޮޓެލްގައި މަސައްކަތް ކުރާ ރަމީޒުވެސް ޒައުލްއަށް ގުޅިއެވެ. އެހެންނަމަވެސް ނިދިފައިއޮތް ޒައުލްއަށް ހިލަމެއްނުވިއެވެ. ސްކޫލުން ގެއަށް އައި އަފްލީން އޭނަގެ ކޮޓަރިއަށް ވަނުމާއިއެކު ލިބުނީ ހައިރާންކަމެވެ. ޔޫހާއަށް ގޮވާލަން ހިތަށްއަރާފަވެސް ކިޔާން ކޮބާތޯ ބަލާލުމަށް ޔުނީފޯމްވެސް ބަދަލުނުކޮށް ޔޫހާގެ ކޮޓަރީގެ ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރު ކޮއްޕާލިއެވެ. ހަމައެހާއަވަހަށް ދޮރުކައިރިވެސް ކޮއްލެވުނީ ޔޫހާގެ އެނދުގައި އޮތް ޒައުލް ފެނުމުންނެވެ. އަފްލީން ކިޔާންގެ ކައިރިން ވާނުވާ އޮޅުންފިލުވާލިއެވެ. އަދި ލާނެތް ހިނިތުންވުމަކާއިއެކު އޭނަގެ ކޮޓަރިއަށް ވަނެވެ.

“މާމާ، އަސްލުވެސް މާލެ ދާންތޯ މިއުޅެނީ، އެފޫހިތަނަށް އަޅުގަނޑު ދާހިތެއްނުވޭ” އީލާކްއަށް ލާއިގާ މާލެދާން އުޅޭކަމުގެ ޚަބަރު ދިނުމާއިއެކު ބުނެލިއެވެ.

“ދަރިފުޅުކައިރީ ޖުނޭދު އަންކަލްވެސް ބުނެފިއެއްނު އެހެން ނުވިސްނާށޭ، ދަރިފުޅަށް ދިމާވި އެންމެ ކަމަކުން މާލެ ނުގޮސް ހުރުމަކީ އަދި މުޅިން ރަނގަޅު ގޮތެއްނޫން، އަނެއްކާވެސް އާފެށުމަކުން ފަށަންވީ…މިފަހަރު ދަރިފުޅުވެސްވާނެ ހުށިޔާރުވާން، މާބޮޑަށް އެހެންމީހުންގެ މައްޗަށް ބަރޯސާވުން ދޫކޮއްލަންވީ، ނިކަންބަލާ ދަރިފުޅު ބައްޕަ، އަމިއްލަ މަސައްކަތުން ހަމަކުރިއަށް އެދިޔައީ، މީހަކު އެހީއެއްވެފައިނޯންނާނެ….ދަރިފުޅުވެސްވީ ވަރަށް ކެރޭ އަންހެން ކުއްޖަކަށްވާން…ވާހަކަފަތުރަން ބޭނުންވާ މީހުންނަށް ފަތުރާނެވާހަކަ ދީގެން އުޅެވޭނީ….” ލާއިގާ ގޭގެ ބަގީޗާގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ބުނެލިއެވެ. ޖުނޭދުއަކީ މެލޭޝިޔާގައި ހުންނަ އާއިލާގެ ޒަމާންވީ ރަޙުމަތްތެރިއެކެވެ. އެގެއަށް އަބަދުހެން އައިސް އުޅޭތީ އީލާކްގެ ހުރިހާ ކަމެއްވަނީ ޖޫނޭދުއަށްވެސް އެނގިފައެވެ.

“އޯ….ހިތަށް އަރާ އެ ނަހުލާ ގަނޑު މަރާލަންވީއޭ…” ވިނަގަނޑުމަތީ ހުސްފަޔާ ހިނގާލަ ހިނގާލަ ހުރި އީލާކް ދަތްކުނޑި ވިކާލަމުން އަތުގެ މުއްބާރުކޮއްލިއެވެ.

“އޮފް ހޯ…އަދިވެސް އެރުޅިގަނޑު، ދަރިފުޅާ އީލާކް މާމަ ބުނަމެއްނު ރުޅިއައިސް ހުރެގެން ރަނގަޅު ނިންމުމެއް ނުނިންމޭނެއޭ…އާދެބަލަ މިތާ މާމަ ކައިރިއަށް، މިގޮނޑީގަ އިށީނދެބަލަ، ދަރިފުޅަށް އެނގޭތަ…ދޮންތައަށް ނޭގިއޭ މާލެދާން މިއުޅެނީ، ދޮންބެއަށްވެސް ނޭގޭނެ…ހުރިހާ އެންމެންނަށް ސިއްރުން ދާނީ” ލާއިގާ ބުނެލިއެވެ. އީލާކްއަށް އެގޮތް ވަރަށް ކަމުދިޔައެވެ. އާއިލާގެ މެންބަރުންމަތިން އޭނަވެސް ހަނދާންވެއެވެ. އަދި ލޫލުއާގެ ކައިވެނީގެ ވާހަކަ ލާއިގާގެ ފަރާތުން އަޑުއިވިފައިވުމުން ވަކިން ބޮޑަށް ލޫލުއާ އާއި ދިމާކޮއްލަންވެސް އޭނަވަނީ ބޭނުންވެފައެވެ.

“އެހެންވީރު ކޮންއިރަކުންތޯ މާމަ ފުރަންތި ވިސްނަވަނީ؟” އީލާކް ލާއިގާ ދެއްކޮ ގޮނޑީގައި އައިސް އިށިންނަމުން އަހާލިއެވެ.

“ކުރިއަށް މިއޮތް ހަފްތާތެރޭގައި މާލެދިއުމުގެ ކަންތައްތައް ހަމަޖައްސާނަން، ދަރިފުޅުވެސް އިތުރު ޝޮޕިންއެއް ކުރަން އޮވެއްޖެނަމަ މިހާރުކޮށް ނިންމާލަން މާމައަށް ފެންނަނީ” ލާއިގާ ބުނެލިއެވެ.

“އެކަމަކު އޭރުން އަޅުގަނޑުމެން ބަލާ އެއަރޕޯޓަށް އަންނާނީ ކާކު، ދޮންބެ ކައިރީ ބުނާނީ” އީލާކް ބުނެލިއެވެ.

“ދަރިފުޅުގެ ބައްޕައަށް ނޭގިއެއްނޫނޭ މިދަނީ، އެކަމަކު ލޫލުއާއި ޒައުލް ގާތުނުބުނު މިފަހަރު މިދަނީ، ޒައުލް ކައިރީ ބުނެފިނަމަ، ލޫލުއާ އަހާއިރަށް ބުނާނެ…އެހެންވެ ނުބުނީ” ލާއިގާ ހިނިތުންވެލައިގެން އިނދެބުނެލިއެވެ.

މެންދުރުފަސްވެ ތިނެއްޖަހަން އުޅެނިކޮށް ޔޫހާއަށް ހޭލެވުމާއިއެކު އަވަހަށް ތެދުވިއެވެ. އޭރު އެތަނުގައި އަފްލީން އޭނަގެ އާދައިގެ މަތިން ފޭސްބުކަށްގެއްލިފައި އިނެވެ.

“މޯނިންގް ޔޫހާ، ޔޫގެ ހެންޑްސަމް އެބައޮތް އަދިވެސް ނިދާފަ” އަފްލީންގެ އެޖުމްލައިންވެސް ޔޫހާގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބުލިބިގެން ހިނގައްޖެއެވެ.

“ސޮރީ، އަހަންނާ ހެދި މިއަދު އަފޫއަށް ޖައްސާވެސް ނުލެވުނު” ޔޫހާ އެނދުން ތެދުވަމުން ބުނެލިއެވެ.

“އިޓްސް އޯކޭ…އޯލް ދި ބެސްޓް” އަފްލީން ހީލާފައި ބުނެލިއެވެ. ޔޫހާ އެނދުގެ ބާލީސްތައް ރީތިކޮއްލުމާއިއެކު އެކޮޓަރިން ނުކުތީ އަފްލީން އާއި އެއްވެސް ސުވާލެއްކުރަން އެވަގުތު ބޭނުންނުވާތީއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ގޮސް ވަތްއިރު ޒައުލްގެ އަތްމަތީ ކިޔާންވެސް ނިދާފައޮތެވެ. ޔޫހާ މަޑުމަޑުން ކިޔާންގެ އަތުގައި އޮތް ކުލަފަންސޫރު ނަގަންއުޅުނީ ނިދީގައި އަނިޔާއެއްވެދާނެތީއެވެ. ފުރޮޅިލަން އުޅުނު ޒައުލް ކުއްލިއަކަށް ލޯހުޅުވާލަމުން ޔޫހާގެ އަތުގައި ހިފާލިއެވެ.

“ގަޑިން ކިހާއިރެއް؟” ޒައުލް އެންމެ ފުރަތަމަވެސް ބޭނުންވީ ގަޑިންވީއިރެއް އޮޅުންފިލުވުމެވެ.

“ތިނެއްޖަހަނީ” ޔޫހާގެ އަތުގައި ޒައުލް ހިފާފައިހުރުމުން އޭނަ ގުދައޮވެ ބުނެލިއެވެ. ޒައުލް ޔޫހާގެ އަތުން ދޫކޮއްލަމުން ދޮރާދިމާލަށް ބަލާލާފައި ކިޔާންގެ ބޯދަށުން އަތްނެގިއެވެ. އަދި އެނދުން ތެދުވެ ފައިޅާލުމާއިއެކު ޓައިލްތަކުގައި ޒައުލްގެ ފައިޖެހުމުން އޭނަގެ ބޫޓާ އިސްޓާކީނު ނެތްކަން އެނގުނީވެސް، އޭނަ ޔޫހާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެހިނދު ޔޫހާ ދޮރުކައިރީ ހުރި ބޫޓުދައްކާލީ އަތުގެ އިޝާރާތުންނެވެ.

“ސޮރީ، އަހަރެން ބޫޓު ބޭލީ” ޔޫހާ ބުނެލިއެވެ. އޭނަ ޒައުލްއަށް ބަލަން ހުރީ ހަދާނެގޮތެއް ނޭގިފަހުރި މީހެއްހެންނެވެ.

“އޯކޭވާނެ…އަހަރެން ނިދާކަށްނޫން، އެކަމަކު ޖައްސާލިތަނާ ވަރަށް ގަދައަށް ނިދިއައީ، ޔޫހާ ހިތްހަމަނުޖެހިފަތަ ތިހުރީ….ސޮރީ އެނގޭ، އަހަރެން ގަސްދުގައެއްނޫން، ރޭގަ ނުނިދައެއްނު ހުރީ” ޒައުލް ބުނަންފެށިއެވެ.

“އޯކޭވާނެ، އެކަމަކު ތިހެން ހުރެގެން ނުދައްޗޭ، ޒައުލްއާ ނުވެސް ގުޅޭނެ، ބޯވެސްތިހުރީ ހޭވިފަ، މޫނުމަތިން ހީވަނީ އަދިވެސް ނިދާފަހުރިހެން…ފާހާނާއަށްވަދެ މޫނުދޮވެލައިގެން ދާންވީނު، އަހަރެން އިރުކޮޅަކުން ކިޔާންވެސް ނަގާނަން، އޭނަ ސްކޫލަށްވެސް ގެންދަންޖެހޭނެ” ޔޫހާ ބުނެލިއެވެ.

ޒައުލް ތެދުވެގެން ގޮސް ފާހާނާއަށް ވަންނަމުން ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. މިސްވެފައިވާ ކޯލުތަކުން މުހިއްމު ނޫން އެންމެ ކޯލެއްވެސް ނެތެވެ. ބައްޕަގެ ފޯންކޯލު ނުނެގުނީތީ އަދިވަކިން ކަންބޮޑުވެފައިހުއްޓެވެ. ފާހާނާގެ ލޯގަނޑުން މޫނު ބަލާލާފައި ފެންފޮދަކުން ޒައުލް މޫނުދޮވެލިއެވެ. އަދިވެސް އޭނަ އެހުރީ ނިދިއައިސްފައެވެ. އެހެންނަމަވެސް ދެން އޭނަ ބޭނުންވަނީ އަވަހަށް ގެއަށްދާށެވެ. ނިދި މޫޑުގެ ސަބަބުން އޭނައަށް ޔޫހާ އާއި މާގިނަވާހަކަތަކެއްވެސް ނުދެއްކުނެވެ. ފާހާނާގައި ހުރެ ޖަމާލްއަށް ގުޅާ އައުމަށް ބުންޏެވެ. ޔޫހާ އަލަމާރިން ތުވާއްޔެއްނަގައިގެން ހުރީ ޒައުލް ނުކުންނާނެއިރަކަށެެވެ.

ގިނައިރެއްނުވެ ޖަމާލު ޔޫހާ މެންގޭ ކައިރިއަށް މަޑުކޮއްލާފައި ޒައުލްއަށް ގުޅިއެވެ. ޒައުލް ދަނީކަމުގައި ބުނެ ޔޫހާގެ ކޮޓަރިން ނުކުންނަމުން ޔޫހާގެ ކޯތާފަތުގައި ފިރުމާލިއެވެ. އަދި ނުކުންނަން އުޅެފަވެސް އެނބުރިލާފައި ޔޫހާގެ ގައިގާ ބައްދާލަމުން ކޯތާފަތުގައި ބޮސްދިނެވެ. ޔޫހާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ޒައުލް އެހެން އެހެދީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުންދިޔައެވެ. އެއްޗެއް ނުބުނެ ޒައުލް ނުކުމެގެންދިޔައީއެވެ. ޔޫހާ ބަސްހުއްޓިފައި ހުރިފިޔަވަޅުމަތީ ޒައުލް ނުކުމެގެންދިޔަ ތަން ބަލަން ހުއްޓެވެ.

ކާރުގައި އިން ޒައުލްގެ ފަހަތު ސީޓަށް ކުޑަކޮށް ހަށިގަނޑު ދޫކޮއްލައިގެން ދެލޯމަރާލައިގެން އިންއިރު އޭނަގެ ތުންފަތުގައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ދޭތެރެއަކުން ޖަމާލު ލޯގަނޑުން ފަހަތު ސީޓުގައި އިން ޒައުލްއަށް ބަލާލައެވެ. އޭނައަށްވެސް ޒައުލްގެ މޫނުމަތިން މީގެކުރިން ނުފެންނަ ކިތަންމެ ކުލައެއް ފެންނަމުންދާތީ އެކަމާ ހައިރާންވެފައިއިނެވެ. ޒައުލް އުޅެމުން ދާގޮތް މަންސޫރު އާއި ލާއިގާއަށް އެނގިއްޖެނަމަ ވާނެގޮތަކާއިމެދުވެސް ޖަމާލްއަށް ވިސްނާލެވުނެވެ. އޭނައަށް އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތް އެނގޭތީވެސްމެއެވެ.

“ކޮންތާކަށް” ޒަރާނާ އައްޔަދު ބޭރު ދޮރާދިމާލަށް ހިނގައިގަތުމާއިއެކު އަހާލިއެވެ.

“ބޭރަށްދާކަށް ނޫޅެން، މިތާ ދޮރުމައްޗަށް ހަމަނުކުމެލަނީ…” އައްޔަދު ސިޓިންރޫމު ސޯފާއެއްގައި އިން ޒަރާނާއަށް ބަލާލަމުން ބުނެލިއެވެ. އަދި ގޭދޮރުމައްޗަށް ނުކުމެ މަޑުކޮއްލައިގެން ހުއްޓެވެ. އެހެންހުރިއިރު އޭނަގެ ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައިގެން އޭނަ މަސައްކަތްކުރީ ޔޫހާއަށް ގުޅޭތޯއެވެ. ދެތިން ފަހަރު ގުޅާލިތަނާހެން ޔޫހާ ފޯނުނެގިއެވެ.

“އަޔާ މިވަގުތު ވަރަށް ބިޒީ، އެހަށް ފޯނު ބާއްވާލާނަން” ޔޫހާ ފޯނުނެގިގޮތަށް ބުނެލިއެވެ.

“ޔޫހާ…ޔޫހާ…ޕްލީޒް ވެއިޓް، އަހަރެން ވަރަށް ގުޅައިފިން ޔޫހާއަށް، ނިދާފަދޯ އޮތީ، އަހަންނާ މީޓުކޮއްލަންވީނު، ވަރަށް ފޫހިވެގެން މިއުޅެނީ، ކިހިނެއްވާނީ ކޮފީއަކަށް ދިއުން، ޕްލީޒް…” ޔޫހާ ފޯނު ބާއްވަފާނެތީ އަވަސްއަވަހަށް އައްޔަދުވާހަކަދެއްކިއެވެ.

“އަހަރެންމީ ކޮފީތަކަށްގޮސް އުޅޭ މީހެއްނޫން” ޔޫހާ ބުނެލިއެވެ. އެހެންނަމަވެސް އައްޔަދުގެ އާދޭހާއެކު އޭނަ އާއި ރެސްޓޯރެންޓަކުން ބައްދަލުކުރުމަށް ޔޫހާ އެއްބަސްވިއެވެ.

“އެކަމަކު އަހަރެން އެކަންޏެއް ނުދެވޭނެ، އިތުރު ކުއްޖަކު ގެންދިޔަޔަސް އެންމެ ރަނގަޅުތަ” ޔޫހާ އަހާލިއެވެ. އައްޔަދު އަވަސް އަވަހަށް އެއްބަސްވިއެވެ. ވަގުތުގެ ގޮތުން ޔޫހާ ފޯނު ބާއްވާލީ އެވަގުތަކީ އޭނަ ކިޔާން ސްކޫލަށް ގެންދިއުމަށް ތައްޔާރުކުރާ ވަގުތަށްވާތީއެވެ.

“ޔެސް….” ދޮރާށިދޮށުގައި ހުރި އައްޔަދު އޭނަ ބޭނުންވި ކަންތައްވުމުން ބުނެލިއެވެ. އެވަގުތު ތަންކޮޅެއް ދުރުން އާފާގުގެ ކާރު ވައްތަރުޖަހާ ކާރެއް އަންނަތަން ފެނުނެވެ. ކުރިއަށްވުރެވެސް ހިނިއައިސްފައި ގޭތެރެއަށްވަނީ ސިޓިންރޫމުގައި އިން އޭނަގެ މަންމައަށް އެޚަބަރުދޭށެވެ.

ގޭތެރޭގައި އުޅުނު އަފްލީންވެސް ޔޫހާ އާއިއެކު ކިޔާން ގޮވައިގެން ސްކޫލުދޮށަށް ދިޔައެވެ. އަފްލީންގެ ކަމަކަށްވެފައިވަނީ ޒައުލް އާއި ގުޅުވައިގެން ޔޫހާ އާއި ދިމާކުރުމެވެ. ބައެއްފަހަރު ޔޫހާގެ ގާތަށްވެސް އަފްލީން ބުނެލާ އެއްޗެހިން ހިނިއާދެއެވެ. އަފްލީންއަކީ އޭނަ އާއިއެއްވެސް ގުޅުމެއްނެއް އަންހެން ކުއްޖެއްނަމަވެސް، އޭނަގެ އަންހެން ކޮއްކޮއެއް ހުރިނަމަ މިއަދު އުޅޭނީ އެގޮތަށްކަން ގައިމެވެ. ޔޫހާ އޭނަގެ އާއިލާ މަތިން ކުއްލިއަކަށް ހަދާންވިއެވެ. އޭނަ މާލެ އައިސުއްރެން އެއާއިލާގެ މަތިންވަނީ ހަނދާންނައްތާލާފައެވެ. ހަމައެކަނި ހުރީ މުސްކުޅިވެފައިވާ މަންމަ އަކާއި ދައްތައެކެވެ. އޭނައަށް ހިތްވަރު ދިންމީހެއްކަމުގައި އޭނަގެ ދައްތަވާނެއެވެ. އެދައްތަވެސް ހުރި ހަމައެކަނި ކޮއްކޮ ހާލު ބަލަން ބޭނުންވާނެއެވެ. ސްކޫލުދޮށުން ގެއަށް އައި ޔޫހާގެ ތުންފަތަށްވެރިވެފައިވި ހިނިތުންވުންވަނީ މިލައިގެންގޮސްފައެވެ. ކޮޓަރިއަށް ވަތްގޮތަށް ދޮރުލައްޕާލުމާއިއެކު ފޯނުނެގީ އެނަންބަރަކަށް ޔޫހާ މީގެ ކުރިން ގުޅަން ބޭނުންނުވި އޭނަގެ ދައްތަގެ ނަންބަރަށް ގުޅާށެވެ. މަޑުމަޑުން އެނދުގައި އިށީނދެ ފުންނޭވާއެއް ޔޫހާ ލިއެވެ. ފޯނަށް ބަލަން އެތަށްއިރަކު އިނުމަށްފަހު ޑައިލްކުރާ ފިތަށް ޔޫހާ ފިތާލިއެވެ.

“ހެލޯ، ޔޫހާ…” ޝަފަގްގެ އަޑު ޔޫހާގެ ކަންފަތުގައި ޖެހިގެންދިޔައެވެ. ވަރަށް ހިތްވަރާއިއެކު ޔޫހާ ހެލޯއޭ ބުނެލިއެވެ.

“ބޮޑުދައްތަ ވަރަށް އުފާއްޖެ ކޮއްކޮ އަޑުއިވުނީ، ހާލު ކިހިނެއްތަ؟ ހާދަ ވަރަކަށް ގުޅަމޭ، ކީއްވެތަ ކޮއްކޮ ފޯނު ނުނަގަނީ…މަންމަވެސް ކޮއްކޮމަތިން ހަނދާންވާތީ އެވާހަކަ ދައްކާ، ކޮބާތަ އެސޮރު…” ޝަފަގު އެއްފަހަރާ އެތަށް ސުވާލެއްކޮއްލިއެވެ. އޭނަ ހުރީ ޔޫހާ އާއި ކިތަންމެ ދުރުގައިނަމަވެސް ކޮއްކޮގެ އަޑުއިވުމުން ހުރީ ވަރަށް އުފަލުންނެވެ. ޝަފަގު އޭނަ އާއި ޔޫހާގެ މަންމަ ފަހީމާއަށް ފޯނުގައި ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއަޑުއިވުނެވެ.

“ބޮޑުދައްތާ، ޕްލީޒް މަންމައަށް ނުގޮވާ އެހަށް” ޔޫހާއަށް އަވަސް އަވަހަށް ބުނެލެވުނެވެ.

“އެއީ ކީއްވެ؟ ކޮއްކޮ އަދިވެސް ތިހުންނަނީ ރުޅިންތަ، މަންމައެއްނު އެއީ، މާފުކުރަންވާނެއެއްނު، މަންމަ އާއި ވާހަކަ ނުދައްކާ ނޫޅެވޭނެއެއްނު، އަނެއްކާ މާލެ ދިޔަފަހުން އަދި ތިގުޅީ…ދެން ބުނެބަލަ، ކޮއްކޮގެ ހާލު ކިހިނެއްތަ؟ މިހާރު ހުރިހާ ކަމެއްވެސް ހަމަޖެހިއްޖެކަމުގަ ޝާއިންބުނި” ޝަފަގުގެ އަޑުގައިވަނީ އޯގާތެރިކަމާއި ލޯތްބެވެ.

“ބޮޑުދައްތަ ޝާއިން އާއި ކޮންއިރަކު ވާހަކަދެއްކީ” ޔޫހާ ހައިރާންވެފައި އަހާލިއެވެ.

“ޝާއިން ދައްތައަށް ނަންބަރުދީފައޭ އޮތީ، ޔޫހާ ފޯނުނުގާތީ ޝާއިންއަށް ގުޅަނީ، އޭނަ ދައްތައަށް ހުރިހާ ވާހަކައެއް ކިޔާދެއޭ” ޝަފަގު ބުނިއެއްޗަކުން ޔޫހާ ހާސްވިއެވެ. އަނެއްކާ ޒައުލްގެ ވާހަކަވެސް ޝާއިން އޭނަގެ އާއިލާގެ މީހުންގެ ގާތުގައި ދެއްކީބާއެވެ.

“އެހެންތަ، ކީކޭ އޭނަކީ” ޔޫހާ އޮޅުންފިލުވަން ބޭނުންވިއެވެ.

“ކޮއްކޮއަށް ޕްރޮމޯޝަނެއް ލިބުނުވާހަކަ، މިހާރު ވަޒީފާ ކުރިއަށްވުރެ ރަނގަޅުވެފަ ކިޔާންވެސް ވަރަށް ހަލަނިކަމަށް، ދައްތަ ވަރަށް ދެކިލާ ހިތުން މިހުރީ ތިދެކުދިންވެސް، ކޮއްކޮ އިތުރު ކައިވެންޏެއް ކުރާކަށް ނުވިސްނަންތަ” ޝަފަގު ބުންޏެވެ.

“ހޫމް، ވަޒީފާ ރަނގަޅު، އަޅުގަނޑުމެން ދެމައިންގެ ހާލުވެސް ރަނގަޅު، އެކަމަކު ކައިވެނި…” ޔޫހާ މިހެންބުނެ ކުޑަހިނދުކޮޅަކަށް ހިމޭންވިއެވެ.

“ކައިވެންޏެއް ކުރަނިކޮށް ދެން ހުރިހާ ކަމެއް ހަމަޖެހިދާނެ، އަދި އުމުރުން އެހާ ދުވަސްވެސްވީކީއެއްނޫން، ކޮއްކޮއަށް ނޭގުނަސް ދައްތައަށް އެނގެޔޭ ކޮއްކޮ އާއި ކައިވެނި ކުރާނެ މީހަކު” ޝަފަގު ހީލާފައި ބުނެލިއެވެ.

“ކާކު…” ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.

“ޝާއިން، ދެން އެހެން ކާކު” ޝަފަގުބުނެލިއެވެ.

“އޭނަ އާއި އަހަންނާ ދޭތެރޭ އެކަހަލަ ގުޅުމެއް ނޯވޭ، ދެން ކައިވެނީގެ ވާހަކަ ބަހައްޓާފަ ބުނެބަލަ، މަންމަ އަހަރެންގެ ވާހަކަ ހަމައަސްލުވެސް ދައްކާތަ” ޔޫހާ ކަމެއް ޔަގީންކުރަން ބޭނުންވާފަދަ ގޮތަކަށް އަހާލިއެވެ.

“އާން، މިހާރު އަދި ވަރަށް ދައްކާނެ ކިޔާންގެ ވާހަކަ، ކޮއްކޮ ދެން ރަށަށް ނާންނާނެކަމަށް މަންމަ ބުނަނީ، މިދުވަސްކޮޅު ކުޑަކޮށް ބަލިވެއުޅެނީވެސް، މޭގަ ރޯގާހިފައިގެން އުޅެނީ، މިހާރު ދައްކާ ކޮއްކޮ ހާދަރަނގަޅޭ، ތީ ރަނގަޅު ކުއްޖެކޭ މަންމައަށް އެގޮތަށް ކަންތައް ކުރެވުނީތީ ވަރަށް ދެރަވާ ވާހަކަވެސް” ޝަފަގުގެ އަޑުއަހަން އިން ޔޫހާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. އޭނަވެސް މަންމަދެކެ ލޯބި ނުވަނީއެއްނޫނެވެ. އަދި އެމަންމައަށް މާފުނުކުރާނީއެއްވެސް ނޫނެވެ.

“ކޮއްކޮ ރޮނީތަ، އަދިވެސް ތީ ކުރީގެ ފިނޑި ޔޫހާތަ، ގައިމު ދައްތަ ހީކުރީ އެހުރިހާ ކަމަކަށްފަހު ކޮއްކޮ ބަދަލުވީ ކަމަށް، ތީހިތްވަރު ގަދަ އަންހެން ދަރިއެއްކަމަށް، ދެން މިކޮޅަށް ނާންނާނަންތަ އެއްގޮތަކަށްވެސް” ޝަފަގު އަހާލިއެވެ.

“މަންމަ މަތިން ހަނދާންވޭ، ތީ އަހަރެން އުފަންވި ރަށްކަންވެސް އެނގޭ، އެކަމަކު ތިރަށަށް އަރާހިތެއް ކުޑަކޮށްވެސް ނުވޭ، އަހަރެންގެ ނަސީބު ނޫނީ ކިޔާންގެ ނަސީބު އެއީ ޝާއިން އާއި އަހަރުމެން ދިމާވުން، އޭނަގެ ހިޔަލުގެ ދަށަށް އަހަރުމެން ދެމައިން ގެނައިކަން، ބޮޑުދައްތަމަތިންވެސް ވަރަށް ހަނދާންވޭ، ކިތަންމެ ދާން ބޭނުން ނޫންކަމުގައިވިޔަސް ހީވަނީ ރަށަށް ދާން ޖެހިދާނެ ހެން” ޔޫހާ ބުނެލިއެވެ.

“އެއީ…ޝާއިންތަ ބުނީ، ތިގޭގަ ހުރެވޭގޮތް ނުވީތަ” ހައިރާންކަމާއިއެކު ޝަފަގު އަހާލިއެވެ.

“ނޫން އެހެނެއްނޫން، ދެން ފަހުން ގުޅާނަން…” ޔޫހާ ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ. ނަމަވެސް އެހާދުވަހަށްފަހު ޔޫހާގެ އަޑުއިވި އޮޅުންގަނޑެއްގެ ތެރޭ ހުރެ ފޯނު ބާއްވާކަށް ޝަފަގު ގަސްދެއް ނުކުރިއެވެ. ޔޫހާވެސް ޒައުލްގެ އެއްވެސް ވާހަކައެއް ޝަފަގު ކައިރީ އަދިބުނަން ބޭނުންނުވަނީއެވެ. އެހެނީ އަދިވެސް އޭނައަށް ހަގީގަތްވަނީ ވަކިކުރަން ދަތިވެފައެވެ. ޒައުލްއެކޭ އޭނައަށް ފެންނަމުންދާ ރީތި ހުވަފެނެކޭ އެއްގޮތެވެ. މިހާ އަވަހަށް ކަންތައްތައް ބަދަލުވެގެން ހިނގައިދާނެއޭ އޭނަވެސް ހީނުކުރެެވެ. ގައިމުވެސް އޭނަގެ ހިތުގައި އަދިވެސް ޒައުލްއަށްޓަކައި ލޯބިވެއެވެ. ލޮލަށްފެނަން ކުލަރީތި އެހުވަފެން ބިލާހަކަށްވެދާނެތީ އޭނަ ބިރުގަނެއެވެ. އެންމެ މުހިއްމު ކަމަކީ ދެމީހެއްމެދުގައި އޮންނަންޖެހޭ އިތުބާރެވެ. ނަމަވެސް ޒައުލް އާއިމެދު ޔޫހާގެ އެއްވެސް އިތުބާރެއްނެތެވެ. އަލުން އެއިތުބާރު ހޯދުމަށްވަގުތު ނަގާނެކަން ހުދު އޭނައަށްވެސް އެނގެއެވެ. ޝަފަގު ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ރަށުގެ އެކިއެކި ވާހަކަތަކެވެ. އެކިއެކި މީހުންގެ ވާހަކަތަކެވެ. ޝަފަގުއަށް ލިބިފައިވާ އަންހެން ދަރީގެ ވާހަކައެވެ. ޔޫހާގެ ފޮޓޯތައް ބަލާ ވަރަށް ސުވާލު ކުރާކަމެވެ. އާއިލީ ގާތްކަމުގެ ފިނިކަން ޔޫހާގެ ހިތަށް އިޙްސާސްކުރެވިގެންދިޔައެވެ. މަންމަގެ ވާހަކަ ކިތަންމެ ވަރަކަށް އެހުނުކަމުގައި ވިޔަސް މަންމަ އާއި ވާހަކަދައްކާލަން ޔޫހާއަށް ނުކެރުނެވެ. ޝަފަގު ފޯނު ބޭއްވީ އަދި އެހެން އިރަކުން ގުޅުމަށް އެދެމުންނެވެ. ފޯނު ކޯލު ކެނޑިގެން ދިޔައިރު ކަރުނައިގެ ތެރެއިން ޝަފަގު ޔޫހާ ހެއްވާވެސް ލައިފިއެވެ. އެއީ އަދިވެސް އާއިލީ ލޯބީގެ ވަރުގަދަކަން އަންގައިދިން ރަމްޒެކެވެ.

“ޔޫހާ، ބިޒީތަ….” ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލަމުން ކޮޓަރިއަށްވަތް އަފްލީން ބުނެލިއެވެ.

“ނޫން، ކިހިނެއްވީ” ފޯނަށް ބަލަހައްޓައިގެން އިން ޔޫހާ އަފްލީންއަށް ބަލާލަމުން ބުނެލިއެވެ. އެމޫނުމަތިން ހިތްހަމަޖެހިފައި އިންކަމުގެ ކުލަވަރު ފާޅުވަމުންދިޔައެވެ.

“އޯ…ބޯއީ ފުރެންޑްގެ ކޯލެއްތަ” އަފްލީން އައިސް އެއްއަތް ރީތިވާމޭޒުގައި ވިއްދާލާފައި އަނެއްއަތް އުނަގަނޑުގައި އަޅުވާލަމުން ބުނެލިއެވެ. އޭނަގެ މޫނުމަތީގައިވަނީ ލާނެތްކަމެވެ.

“ޕިސް ޕިސް….ކޮން ބޯއީ ފްރެންޑެއްތަ….އަހަންނަށް ޔަގީން މިހާރު އަފޫވެސް ކަޅިއަޅާ ކުއްޖަކު ހުންނާނެކަން” ޔޫހާ ހެވިފައި އިނދެ އަފްލީންއަށް ލޯއަޅާލަމުން ބުނެލިއެވެ. އެއާއިއެކު އަފްލީން ބާރަށް ހޭންފެށިއެވެ.

“ހޫން ދެން ނުހީ ބުނެބަލަ، ކީއްކުރަންތަ ތިއައީ، ކޮންކަމެއް ކޮއްދޭންވީ” ޔޫހާ އެނދުން ތެދުވަމުން ބުނެލިއެވެ. އަފްލީން ދެއްކީ ހަވީރު ސައިގެ ވާހަކައެވެ.

ގެއަށް ދިޔަ ޒައުލް ފެނި އޭނަ ހުރިގޮތުން މަންސޫރުގެ ސިކުނޑި ސުވާލުން ފުރުނެވެ. އޭނަ ޒައުލް ހުއްޓުވަން ނޫޅެ ބަލަހައްޓައިގެން އިނީއެވެ. އޭނައަށް ބަލާލުމުން އެއައީ ހޮޓެލުންހެނެއް ހިއެއްނުވެއެވެ. ޒައުލްއަކީ އަބަދުވެސް ސްމާޓްކޮށް ހުރުމަށް ލޯބިކުރާ ކުއްޖެއްކަން މަންސޫރަށް އެނގެއެވެ. އޭނަގެ ސިފައަކީ އޭނަގެ ހުރިހާ އެއްޗެކެވެ. ރީތިކޮށް ހެދުންއެޅުމާއި އެކަމުގައި މަޝްހޫރު ބްރޭންޑްތައް ބޭނުންކުރުމަކީ އޭނަގެ އާދައެވެ. އެކަމަކު މިއަދު އޭނަގެ ކުރިމަތިން ވަދެގެން އެދިޔައީ ހަމަ މަންސޫރުގެ ޒައުލް ބާއޭ އޭނަގެ ހިތަށް އެރީއެވެ. ޒައުލްއަށް ސޯފާގައި އިން މަންސޫރު ފެނުނުހެންވެސް ހީނުވެއެވެ. ކޮޓަރިއަށް ވަނުމާއިއެކު ބޫޓާއި ފައިވަކިކޮއްލާފައި އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އަދި ކައިރީގައި އޮތް ބާލީސް ގެނެސް އޭގައި ބާރަށް ބައްދާލަމުން ޔޫހާގެ ނަންކިޔާލަމުން ހިނިތުންވެލިއެވެ.

ސްކޫލުން ކިޔާން ގޮވައިގެން ގެއަށް އައިސް ވަތް ޔޫހާ އަވަސްވެގަތީ ކިޔާން ހަވީރީ ހެދުމެއްލައްވާލުމަށެވެ. އެންމެ ފަހުން ކިޔާން ގޮވައިގެން ބޭރަށް ދިޔަދުވަހު ޒައުލްވަނީ އެކުއްޖާއަށް އަންނައުނުވެސް ގަނެދީފައެވެ. އެތަނުން ޓީޝާޓުކޮޅަކާއި ސޯޓެއް ކިޔާން ލައްވާލުމަށްފަހު ބޫޓަށް އަރުވާލިއެވެ.

“ކޮއްކޮގެ ޕްރެޒެންޓް ޑެޑީ ނުދޭތަ، މަންމި ދެއްކިންތަ ކޮއްކޮ ޑްރޮއިންގް….” ކިޔާން އަހާލިއެވެ.

“ޑެޑީ ފަހުން ޕްރެޒެންޓެއް ގެނެސްދޭނެ، ރީތިކޮއް ހުރެބަލަ، އަވަސް ކުރަން އުޅޭއިރު މީނަވެސް ނުހުންނާނެ މަޑުމަޑަކުން….ދައްކާ އަނެއްފައި” ޔޫހާ ގުދައޮވެ ކިޔާންގެ ފަޔަށް ބޫޓު ލައްވަމުންދިޔައެވެ.

“ޕާކަށް ދަނީތަ” ކިޔާންއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތުން އަހާލިއެވެ.

“މަންމަގެ ފްރެންޑަކާ ބައްދަލު ކުރަން މިދަނީ، ކޮއްކޮވާނެ ވަރަށް ބަސްއަހަން، އޭރުން މިލްކްޝޭކްއެއް ދޭނަން” ޔޫހާ ބުނެލިއެވެ.

“މިލްކްޝޭކް ލިބޭތަނަށްތަ މިދަނީ” ކިޔާން ވަރަށް ހިނިއައިސްފައި ބުނެލިއެވެ. އޭނަގެ މޫނު ކުއްލިއަކަށް އުޖާލާވެގެންދިޔައެވެ. އަވަސް އަވަހަށް ޔޫހާގެ ބަސްއަހާކަމަށް ހެދިލައިގެން ހުއްޓެވެ.

އައްޔަދު ޔޫހާގެ އިންތިޒާރުގައި މޭޒެއްގެ ދޮށުގައި އިނީ ރެޑްބުލް ދަޅެއްނަގައިގެންވެ. އިރުއިރުކޮޅާ އަތުގައި އޮތް ފޯނުގެ ގަޑިބަލާލެވެއެވެ. ނަމަވެސް ގިނައިރެއްނުވެ އޭނައަށް ސިޑިން އަރައިގެން އައި ޔޫހާ ފެނުނެވެ. ހިނިއައިސްފައި އަތްހޫރާލެވުނީ ޔޫހާއަށް އޭނަ އިންތަން އަންގާލުމަށެވެ. ޔޫހާ މީހަކާއެކު އަންނާނެ ކަމުގައި ބުނެފަވެސް އެކަނި އައުމުން އައްޔަދު ވަރަށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް މޭޒެއްގެ ކައިރިން ނެއްޓެމުން އައި ޔޫހާގެ އަތުގައި ހިފާލައިގެން ހުރި ކުޑަކުޑަ ކިޔާން އައްޔަދުއަށް ފެނުނީ ދެނެވެ. ކުރިއަށްވުރެވެސް އޭނަގެ ގާތަށް ހިނިއައީ ޔޫހާ ކުޑަކުއްޖަކު ގޮވައިގެން އައީމައެވެ. ޔޫހާވެސް ހިނިއައިސްފައި އައިސް އައްޔަދުގެ ކުރިމައްޗަށް އިން ގޮނޑީގައި އިށީނީ އެއްފަރާތުގައި ހުރި ގޮނޑީގައި ކިޔާން ބައިންދާފައެވެ.

“ކާކުގެ ދަރިއެއް ގޮވައިގެން ތިއައީ” އައްޔަދު ހިނިއައިސްފައި އަހާލިއެވެ.

“ވާވާ، އެހެރަކަމެއް…ފައުޒީ ނިކަން ބަލާލަބަލަ، އަހަންނަށްވެސް އެކަހަލަ އަންބެއް ލިބުނުނަމަ، ކީއްކުރާނީ، ދެދަރިން ލިބުމާއިއެކު އަންބިމީހާ ގޮވައިގެން ހިނގާލަން ނުކެރޭވަރުވެއްޖެ…” ރެސްޓޯރެންޓެއްގެ މޭޒުގެ ދޮށުގައި އިން ނަދީމް އޭނަގެ ކުރިމަތީގައި އިން ފައުޒީއަށް ބުނެލިއެވެ. ފައުޒީވެސް ގޮނޑިން އެނބުރިލަމުން ބަލާލީ ނަދީމް އެދައްކަނީ ކާކުތޯ ބަލާލުމަށެވެ. އޭނައަށް ފެނުނީ ކުޑަކުއްޖެއްގެ އަތުގައި ހިފާލައިގެން އެރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި އިށިން ޔޫހާއެވެ. ދެން އެމޭޒުގެ ދޮށުގައި އިން ޒުވާނާގެ މޫނުގައި ދެކޭވައްތަރު ޖެހިނަމަވެސް އެއީ ކާކުކަމެއް އޭނައަކަށް ނޭގުނެވެ. މޫނުމައްޗަށް ވެރިވެގެން ދިޔަ ފޫހިކަމާއި ރުޅިވެރިކަން ނަދީމުއަށްވެސް ފެނިގެންދިޔައެވެ.

“އޭ…ކިހިނެއްތިވީ، ގައިމު ހުތުރެއްނޫން” ހައިރާންވެފައި ނަދީމް ބުނެލިއެވެ.

ޔޫހާ ގޮނޑީގައި ހަމަޖެހިލާފައި އައްޔަދު ބުނިއެއްޗަކަށް ހީލިއެވެ. އަދި ޖެހިގެން އިން ގޮނޑީގައި ބޭންދި ކިޔާންއަށް ބަލާލިއެވެ.

“އަހަންނާ ވައްތަރެއްނޫންތަ” ޔޫހާ ހިނިތުންވެލައިގެން އިނދެ އަހާލިއެވެ.

“މްމްމް…ވައްތަރެއްނޫން…” އައްޔަދު ބުނަންއުޅުނުއެއްޗެއް މެދުކަނޑާލީ އެމީހުންތިބި މޭޒުގެ ކައިރިއަށް ވެއިޓަރެއް އައިސް ހުއްޓުމުންނެވެ. މޭޒުމަތީ ޔޫހާގެ ކުރިމަތީ ރެސްޓޯރެންޓުގެ މެނޫ ބައްވާލުމާއިއެކު އެއަށް ބަލާލުމެއްނެތި ޔޫހާ އޯޑަރު ދީފިއެވެ.

“ހަމައެކަނި ކޮފީއެއްތަ، އެއްޗެއް ނުކާނަންތަ” އައްޔަދުއަށް ޔޫހާގެ ނިންމުން އަޑުއިވުމާއިއެކު އަހާލެވުނެވެ.

“ހޫމް، ކޮފީއެއް ބޯލާކަށްނޫންތަ މިއައީ” ޔޫހާ މިފަހަރުވެސް ވާހަކަދެއްކީ ހިނިތުންވެލައިގެން އިނދެއެވެ. އެހިނިތުންވުމުގެ ޖާދޫގެ އަސަރު އައްޔަދުއަށް ކުރަމުންދިޔަ ނަމަވެސް އޭނަ އެކަން ސިއްރު ކުރުމަށް މަސައްކަތްކުރިއެވެ.

“ޔޫހާ ބޭނުންނަމަ ކާއެއްޗެއް ގެންނަންވީ، ކޮފީތަށި ބޯލާ ގޮތަށް ޔޫހާ ދާކަށް އަހަރެން ބޭނުމެއްނޫން” އައްޔަދު ސަމާސާ ރާގެއްގައި ބުނެލިއެވެ. އޯޑަރ ނަގާނިމިގެން ވެއިޓަރު ދިއުމާއިއެކު އައްޔަދު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ސޯ…” އައްޔަދު ބުނެލިއެވެ.

“އަޔާ އަހަންނާ ބެހޭގޮތުން އެހާގިނަ ކަންތައްތައް އޮޅުން ފިލުވަން ބޭނުންވާއިރު ނިކަން އަހަންނަށް އަޔާ އާއި ބެހޭގޮތުން ކިޔާދީބަލަ، ތީ ކާކުތަ” ޔޫހާ ޝައުގުވެރިކަން ދައްކާލަމުން ބުނެލިއެވެ.

“ޔޫހާ އެނގެން ބޭނުންވަނީ ކޮންކަމެއްތަ؟ އަހަންނާ ބެހޭގޮތުން ބުނާނެ މާގިނަ ވާހަކައެއްނެއް، އަސްލު ބުނަންޏާ އަހަރެން މާލެއަށް އައީ އިހަށްދުވަހު، މީގެ ކުރިން އުޅުނީ ރާއްޖޭން ބޭރުގަ، ކިޔަވަން…” އައްޔަދުގެ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ޔޫހާއެވެ.

“އެންމެ ފުރަތަމަ ފެނުނުދުވަހުވެސް ހިތަށްއެރި ތީ މިފެންގަނޑަށް ދިރިފައިވާ މަހެއްނޫންކަން” ހީލާފައި ޔޫހާ ބުނެލިއެވެ.

“ސޮރީ…ކީކޭ ތިބުނީ” އައްޔަދުއަށް ޔޫހާ ބުނިއެއްޗެއް ނޭގުނެވެ.

“ކަމެއްނުވޭ، ދެން ބުނެބަލަ، އައްޔަދުގެ ފެމިލީ ކޮބާތަ؟ އެކަނިތަ މާލެ އައިސް ތިއުޅެނީ، އެހެންވެދޯ ހޮޓެލްގަ މަޑުކުރީ” ޔޫހާ އޭނައަށް ހީވެފައިވާ ގޮތަށް ބުނެލިއެވެ.

“އަހަރެންގެ މާބޮޑު ފެމިލީއެއްނޯވޭ، މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިމީ…މިހާވަރު އިނަފްކަންނޭގެ ދޯ، ދެން ޔޫހާ ބުނެބަލަ، އަހަރެން ވަރަށް ގުޅިން ހެނދުނު ކީއްވެތަ ފޯނު ނުނެގީ، ކުރިންވެސް އެހެން އަހަންވެގެންނޭ ހުރީ، އެކަމަކު ޔޫހާ މާއަވަސް އަރުވާލާފަ ވާހަކަދެއްކީ ހަނދާންނެތުނީ، ތީ އަހަރެންގެ ހުރި ހަމައެކަނި ރަޙުމަތްތެރިއަކީ، ޔޫހާ….އައި ލައިކް ޔޫ ވެރީ މަޗް” އައްޔަދު އޭނަގެ ހިތުގެ ހާލު ބަޔާންކުރީ ކުރުކޮށް ސަމާސާ ރާގަކާއިއެކުއެވެ. އެހެނީ ޔޫހާ ހީކޮއްފާނެ އެއްޗަކާއިމެދު އޭނަވެސް ވިސްނައެވެ.

“މަންމީ ކޮއްކޮ ފޫހިވަނީ” ކިޔާން ކުއްލިއަކަށް މޭޒުމަތީ ބާއްވާލެވިފައިވާ ޔޫހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއިއެކު އައްޔަދުއަށް ހައިރާންކަމެއްވެރިވެގެންދިޔައެވެ.

“އެބޭބެ މިލްކްޝޭކް ހިފައިގެން އިރުކޮޅަކުން އަންނާނެ، ރީތިކޮށް ބަސްއަހައިގެން އިނދޭ، ޗިފްސްވެސް ގެނެސްދޭނެ އެނގޭ” ޔޫހާ ކިޔާންގެ އިސްތަށިގަނޑު ރީތިކޮއްލަމުން ލޯތްބާއިއެކު ދަރިފުޅަށް ބުނެލިއެވެ.

“ޔޫހާ…މީ….މީ ޔޫހާގެ ދަރިއެއްތަ؟” އައްޔަދު ޔަގީންކުރާފަދަ ގޮތަކަށް އަހާލިއެވެ.

“ހޫމް، އެހެންވެއޭ އެހީ އަހަންނާ ވައްތަރުހޭ….އެކަމަކު އެންމެވެސް ދޭ ޖަވާބު އަޔާވެސް ތިދިނީ” ޔޫހާ ބުނެލިއެވެ. އެހެންނަމަވެސް އައްޔަދުއަށް އިތުރަށް ބަހެއްބުނަން އުނދަގޫވިއެވެ. ޔޫހާގެ ދަރިއެއް ހުރެދާނެކަން އޭނަ އިނީ ގަބޫލު ނުކުރެވިފައެވެ.

“ސީރިއަސްކޮއްތަ، އަހަރެން ހައްދަނީ ދޯ” އައްޔަދު އިރުކޮޅަކު ކިޔާންއަށް ބަލަން އިނދެފަ އަހާލިއެވެ.

“އަހަރެން އައްޔަދުއަށް ދޮގެއް ނުހަދަން، މީ އަހަރެންގެ ދަރިއެކޭ، އެއްވެސް ސަމާސާއެއްނުލާ މިބުނީ” ޔޫހާއަށްވެސް ހައިރާންކަމެއްވެރިވީ އައްޔަދު އޭނަގެ ވާހަކަ ގަބޫލުނުކުރަންވީ ސަބަބެއް ނޭގިގެންނެވެ.

“ޔޫހާ މެރީޑްތަ…” އައްޔަދު ސުވާލުކުރިއެވެ.

“އާން ތިވެސް ތެދެއް ހުތުރެއްނޫން، އެކަމަކު ބުނަން…ފައިސާ ނެތިއްޔާ އޭނައެއް ނުލިބޭނެ، އެނގޭތަ، އެޔޭ އަހަރެންގެ ވަޒީފާ ގެއްލުނު ކަމަކީ، އެއީ މިބުނާ ޔޫހާއަކީ، ވަރެއްގެ އަންހެނެއް، އޭނަގެ އަތްދަށުކޮއްލީ މަންސޫރުގެ ފިރިހެންދަރި” ފައުޒީ ސިގިރޭޓު ރޯކޮއްލައިގެން އިނދެ ބުނެލިއެވެ.

“ފައުޒީގެވެސް ގޮތުންނޭ އެހެން އެވީ، ތިއުޅުނީ ބިރުދައްކައިގެން އެކަން ކުރަންވެގެންވިއްޔަ، އެކަހަލަ އަންހެނުން ވަރަށް ވިސްނުންތޫނުވެފަ މަކަރުވެރިވާނެ، އެކަމަކު ކުޅަދާނެ އެނގޭ…މަވެސް ނުދެކެން އޭނަވަރެއް، ތިހެން ބުނީމަ އޭނަގެ ހުރިވަރު މިހާރުވެސް އަހަންނަށް އެނގިއްޖެއް” ނަދީމު ފާޑަކަށް ހީލާފައި ފައުޒީއަށް ބުނެލިއެވެ.

“ނަދީމުވެސް ދަންނަނީތަ އޭނަ” ނަދީމު ބުނިގޮތުން ފައުޒީއަށް އަހާލެވުނެވެ.

“ނޫނޭ ދަންނަނީ އޭނައެއްނޫން، އޭނަ ކައިރީގަ އޭނދި ފިރިހެނަކީ ކާކުކަން އެނގޭތަ” ނަދީމު ބުނެލިއެވެ.

“މީގެ ކުރިން ދިމާވިހެން އަހަންނަށް ހީވަނީ، އާން…ހަނދާންވެއްޖެ، ޕާކްވިއު ހޮޓެލްތެރެއިން ދިމާވީ، އަނެއްކާ އެއީ ކާކު” ފައުޒީ ހައިރާންވެފައި އަހާލިއެވެ.

“އެއީ ތިބުނާ މަންސޫރު ވަރިކުރި އަނބީގެ ދެވަނަ ކައިވެންޏަށް ލިބުނު ދަރިފުޅު، އެއްނަނުގައި ދެބުޅި ޖަހާލާފަ އެހެރީ….އެއްގެއެއްގެ ދެބެން ވާވައްދާލެވޭނީ ގައިމު ކުޅަދާނަވީމަތާ” ނަދީމު ބުނެލިއެވެ.

“ކިހިނެއް ނަދީމުއަށް އެނގުނީ ޒައުލް އާއި އެމީހަކީ ދެބެންކަމެއް، އަހަންނަށް އެނގިފަ އޮތްގޮތުގަ މަންސޫރު އާއިލާ އާއި އޭނަ ވަރިކުރި އަންބިމީހާ އާއިއެއްވެސް ގުޅުމެއް ނޯންނަކަމަށްވަނީ” ފައުޒީ ޝައުގުވެރިވީވަރުން އިތުރަށް ސުވާލުކުރަންފެށިއެވެ. ނަދީމު އޭނަގެ ސުވާލުތަކަށް ޖަވާބުދެމުންދިޔައެވެ. އޭނައަށް އާފާގު އެނގޭ ގޮތާއި އަދި މިހާރަކަށް އައިސް އާފާގު އާއިއެކު ފެންނަ ޒުވާނަކީ އޭނަގެ ދަރިކަންވެސް އެނގުނުގޮތް ނަދީމު ފައުޒީއަށް އޮޅުން ފިލުވާދިނެވެ. މިހުރިހާކަމެއް އެނގެމުންދިޔަ އިރު ފައުޒީގެ ސިކުނޑީގައި ވަރުގަދަ ރޭވުމެއް ރާވަމުންދިޔައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭ އޭނަގެ ވަޒީފާ ގެއްލުމުން ލިބުނު ހާސްކަން ފިލައިގެން ދިޔަކަހަލައެވެ.

“އަހަރެން މެރީޑްއެއްނޫން، އެކަމަކު މީއަހަރެންގެ ދަރިއެއް…އަޔާ އެއްޗެއް ނުބުނެ ތިއިނީ ކީއްވެތަ، އަދިވެސް ގަބޫލު ނުކުރެވެނީތަ އަހަރެން ދައްކާ ވާހަކަ، އެކަމަކު ބުނާނެ އަހަރެންމީ އަޔާގެ ރަޙުމަތްތެރިއެކޭ” ޔޫހާ ބުނެލިއެވެ. އައްޔަދު ޔޫހާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޔޫހާ މީހެއްގެ އަންބަކަށް ނުވީތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަށް އޭނައަށް ލިބުނެވެ. އެކަމަކު އޭނައަށް ކުޑަކޮށްވެސް ގަބޫލު ނުކުރެވުނީ ޔޫހާގެ ކުއްޖެއް ހުރެދާނެކަމެވެ. އެހެންނަމަވެސް އައްޔަދު އިތުރަށް ސުވާލުކުރަން ފެށުމުން ޔޫހާއަށް އެހުރިހާ ސުވާލަށް ޖަވާބުދޭން އުނދަގޫވިއެވެ.

“ދެން އެންމެ ދުވަހަކުން ހުރިހާކަމެއް ކިޔައެއްނުދެވޭނެއެއްނު، ތިހާ ކެތްތެރިކަން ކުޑަވާކަށްނުވާނެ” ޔޫހާ އެންމެ ފަހުން ބުނެލިއެވެ. އައްޔަދު ލުއި ހީލުމަކާއިއެކު ކިޔާންއަށް ބަލާލިއެވެ. އޭރު ވެއިޓަރު އެމީހުން އޯޑާރކުރި އެއްޗެހި ގެނެސްދީފިއެވެ. ކިޔާންގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އައްޔަދު ކިޔާން އާއި ރައްޓެހިކަން ބާއްވަން މަސައްކަތްކުރިއެވެ. އޭނައަށް އެއްގޮތަކަށްވެސް ކުޑަކުދިންނާއި ވާހަކަދައްކާކަށް ނޭގެއެވެ. ޔޫހާ އެކަމާ ޖޯކު ޖަހާ ހީ ސަމާސާކުރިއެވެ. ޔޫހާއަށްވެސް އައްޔަދު ފަދަ ރަޙުމަތްތެރިއަކު ލިބި އޭނަގެ ވާހަކަތަކުން ހިތްހަމަޖެހުން ލިއްބައިދިނެވެ. ޔޫހާ ކިޔާން ގޮވައިގެން އައްޔަދު އާއި ވަކިވިއިރު އިރުވެސް އޮއްސިއްޖެއެވެ. އަދި ކިޔާން އާއި އައްޔަދުގެ ގުޅުންވެސް ރަނގަޅުވެގެންދިޔައެވެ. ޔޫހާ އޭނަގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

އައްޔަދު ހިނގާފައި އޭނަގެ ގެއަށް ދިއުމަށްޓަކައި ދިޔައެވެ. ފަހަތުން މީހަކު ގޮވާލި އަޑެއް އޭނައަކަށް ނީވެއެވެ. ދެކަންފަތަށްވަނީ ހެޑްސެޓު ޖަހާލެވިފައެވެ. އައްޔަދު ސިހިގެންދިޔައީ ފަހަތުން މީހަކު އޭނަގެ ކޮނޑުގައި ޖަހާލުމުންނެވެ. އަވަހަށް ފަހަތަށް އެނބުރިލެވުނީ ކާކުތޯ ބަލާލުމަށެވެ.

“ލައިޓަރެއް އެބައޮތްތަ” ފައުޒީ އަވަސް އަވަހަށް އަހާލިއެވެ.

“ނޫން، އަހަރެން ސިނގިރޭޓެއް ނުބޮން” އައްޔަދު ކަންފަތަށް ޖަހާފައިވާ ހެޑްސެޓު ނައްޓާލަމުން ބުނެލިއެވެ. ފައުޒީ ހީލާފައި އަތުގައި އޮތް ސިނގިރޭޓު އެނެގި ފޮއްޓަށް ލަމުން އައްޔަދު އާއި އެއްވަރަށް ހިނގައިގަތެވެ. އައްޔަދު ހައިރާންކަމާއިއެކު ފައުޒީއަށް ބަލަމުންދިޔައެވެ. ކޮންމެވެސް ތަނަކުން ފައުޒީ އާއި ބައްދަލުވެފައިވާކަމުގެ ހަނދާނެއް އައްޔަދުވިޔަސް ސީދާ ކޮންތަނަކުން ކޮންއިރަކުކަމެއް އޭނައަށް ނޭގުނެވެ. ފައުޒީ އޭނަގެ އަމިއްލަ ނަން ބުނެލުމާއިއެކު އެދެމީހުން އެންމެ ފުރަތަމަ ދިމާވިގޮތް ކިޔާދިނެވެ. އެހެންނަމަވެސް އައްޔަދުގެ ހަނދާނަކަށް ނައެވެ. އޭނަ ހުރީ ފައުޒީ އޭނަގެ ފަހަތުން އަންނާތީ ކަންތައްބޮޑުވެފައެވެ. ނަމަވެސް އޭނަގެ ޝައުގުވެރިކަން ފައުޒީ ހޯދީ ޒައުލް އާއި އޭނަގެ ހޮޓެލް ތަކާއި ހުރި ގުޅުމުގެ ވާހަކަތައް ދައްކަންފެށުމުންނެވެ. ފައުޒީއަށް ހޮޓެލް ދާއިރާ އާއި ބެހޭ ވަރަށް ގިނަ ކަންތައްތައް އެނގެއެވެ. އޭނަގެ އަސްލު މަޤްޞަދު ހާމަކުރީ އެތަށް ވާހަކައެއް ދެއްކުމަށްފަހުއެވެ. އައްޔަދު އޭނަގެ ނަންވެސް ފައުޒީއަށް ހާމަކުރިއެވެ. އަދި އައްޔަދުގެ ފަރާތުންވެސް ފައުޒީއަށް ސުވާލުތައް ކުރިމަތިވަމުންދިޔައެވެ.

“މިއަދު ރެސްޓޯރެންޓުންވެސް ފެނުނީމަ ހިތަށް އެރީ އެދުވަހު ވީކަންތަކަށް މާފަށް އެދެނީއޭ، އެކަމަކު އަންހެން ކުއްޖަކާއިއެކު އިނީތީ ކައިރިއަށް ދާން ނުކެރުނީ، ޔޫހާ އެއީ ރައްޓެއްސެއްތަ” ފައުޒީ ބުނެލިއެވެ.

“ފައުޒީ ޔޫހާ ދަންނަންތަ؟ ކިހިނެއް” އައްޔަދުއަށް ފައުޒީގެ ދުލުން ޔޫހާގެ ނަން ބޭރުވުމުން ވަރަށް ހައިރާންވިއެވެ.

“ޕާކްވިއު ހޮޓެލްގަ އުޅޭ އެންމެ ރީތި ރިސެޕްޝަނިސްޓު އެއީ، އެތަނުގަ އުޅޭ އެންމެނަށްވެސް އެކަން އެނގޭނެ، އަނެއްކާ އައްޔަދު އުޅެނީ ޔޫހާ އާއި ރައްޓެހިވެގެންތަ، އެއްޗެއް ހީނުކުރައްޗޭ އަހަރެން މިހެން ވާހަކަދެއްކިޔަސް” ފައުޒީ ވަރަށް ނޫންކަމަށް ހެދިހުރެ ވާހަކަދެއްކިއެވެ. އައްޔަދު އޭނަގެ ވާހަކަތައް ގަބޫލުކުރާކަން އެނގި ފައުޒީ ހުރީ ވަރަށް ހިނިއައިސްފައެވެ. އޭނަގެ ރޭވުމުގައި އައްޔަދުގެ ފަރާތުން ފައިދާއެއް ވާނެކަން އޭނައަށް ޔަގީންވާ ކަހަލައެވެ.

އާދައިގެ މަތިން ޔޫހާ ކިޔާން ނިންދަވަން އެނދުގައި އޮތެވެ. ކުރުއަތްމައްޗަށް އޮށޯވެލައިގެން އޮތްއިރު އޭނަގެ ސިކުނޑީގައިވަނީ އައްޔަދުގެ ހިޔާލުތަކެވެ. އެދެމެދުގައި ބަދަހިވަމުންއަންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އެހެން ނަމެއްދޭން އޭނަ ބޭނުމެއްނުވެއެވެ. އެކަމަކު އައްޔަދުގެ ބައެއް ހަރަކާތްތައް ހުންނަގޮތުން އޭނަގެ ހިތުގައި ސުވާލު އުފެދޭގޮތްވަނީއެވެ. ޔޫހާ އާއި މާބޮޑަށް ގާތްކަން ބޭއްވުމުގެ އިތުރުން ކިޔާންއަކީ އޭނަގެ ދަރިއެއްކަން އެނގުމުން އައްޔަދުގެ މޫނުމަތިންނާއި އޭނަގެ ހަރަކާތްތަކުން ފާޅުވެގެންދިޔައީ ކޮންކަހަލަ ކުލަވަރެއްކަން ޔޫހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ފަހުން ހަމަޖެހޭގޮތް ދެއްކިކަމުގައިވިޔަސް އައްޔަދު ގަޔާނުވާކަން އެނގެއެވެ. ދެން ޔޫހާ ހިތަށްއެރީ ޒައުލްގެ މަތިންނެވެ. ޒައުލްގެ ފަރާތުން ފެންނަމުންދާ އަޖައިބުކުރުވަނިވި ލޯތްބާއި އޯގާތެރިކަމެވެ. ޒައުލްގެ ބޭނުމަކީ ހަގީގަތުގަވެސް އޭނަ އާއި ކައިވެނި ކުރުންބާއޭ ޔޫހާގެ ހިތަށް އަރަނީ ގަބޫލުކުރަން ދަތިވެފައިވާ ކަމަކަށް އެކަން ވާތީއެވެ.

“ޔޫހާ…އަހަރެން ކާން ހަދާލަންވީތަ؟” ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެން އައި އަފްލީން މަޑުމަޑުން އަހާލިއެވެ.

“ޝާއިން ނުކުތީތަ ކާން” މިހެން ބުނެ އަފްލީންއަށް ބަލާލި ޔޫހާ މަޑުމަޑުން އޭނަގެ އަތުގެ އިނގިއްޔެއްގައި ހިފަހައްޓައިގެން އޮތް ކިޔާން އާއި ދުރަށް ޖެހިލާ އެނދުން ތެދުވިއެވެ.

“އަދި ނުނިކުމޭ، އަހަރެން މާބޮޑަށް ބަނޑުހައިވީ” އަފްލީން ބުނެލިއެވެ. ޔޫހާ ކިޔާންގެ ކައިރިއަށް ބާލީސް ޖައްސާލުމާއިއެކު އަފްލީންއަށް އަތުން އިޝާރާތްކޮއްލީ އޭނަ އާއިއެކު އައުމަށެވެ.

* * * * * * *

ލޯގަނޑު ކުރިމަތީހުރި ޒައުލްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އަދި ދާދިދެންމެއަކު ހަށިގަނޑަށް ޖަހާލި ސެންޓުގެ ވަހުން ކޮޓަރި އެއްވެސް ވެފައިވެއެވެ. ހިތްގައިމު މީރުވަހެކެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑިމަތީއޮތް ޓީޝާޓުނަގާ ލުމަށްފަހު ގަޔަށް ހެޔޮވަރުކޮއްލުމާއިއެކު ހަރަކާތް އަވަސްކޮއްލީ ފޯނު ހޯދުމަށެވެ. އެނދުން ބޭރަށް ވެއްޓިފައިހުރި ކުޝަންތަށް އެނދުމައްޗަށް އެއްލަމުން އެނދުމަތީ ހުރި ބާލީސްތައް ނަގާ ފޯނު ހޯދަންފެށިއެވެ. އެންމެ ފަހުން ފޯނުފެނުނީ ބާލީހު އުރައެއްގެ ތެރެއިންނެވެ. ޒައުލް ހިތްހަމަޖެހުމުގެ ނޭވާއަކާއިއެކު ޔޫހާއަށް ގުޅިއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ޔޫހާ ފޯނެއްނުނެގިއެވެ. ޒައުލް އިތުރަށް ގުޅާކަށް ބޭނުމެއްނުވިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށްފަހު އޭނަގެ ކޮޓަރިން ނުކުތީ ކާކޮޓަރިއަށް ދިއުމަށެވެ.

ކާމޭޒު ކައިރީ ކުދިންނަށްވުރެ ކުރިން އައިސް އިށީނދެއިން މަންސޫރުއަށް ޒައުލް ފެނުނެވެ. އެހެންނަމަވެސް އޭނަ ޒައުލް އާއި ވާހަކަދައްކަން ބޭނުންވަނީ ވަކިންހުރެއެވެ. އެވަގުތު ކާމޭޒުދޮށުގައި ލޫލުއާވެސް އިނުމާއިއެކުއެވެ. ލޫލުއާއަށް ޒައުލް ފެނުމާއިއެކު ދަތްތައްފެންނަވަރަށް ހިނިތުންވެލެވުނެވެ. ކާމޭޒުދޮށުގައި އެވަގުތަށް ތިބެންޖެހޭ މެންބަރުން ހަމަވުމާއިއެކު ކާންފެށިއެވެ. ޒައުލް އިނީ ވަރަށް ބަނޑުހައިވެފައެވެ. އޭނަ ޔޫހާއަށް އިތުރަށް ނުގުޅީވެސް އެހެންވެއެވެ. އަނެއްކޮޅުން މިހާރު އޭނަގެ ސިކުނޑީގައި ރާވަމުން އެދަނީ ޔޫހާ ފޯނު ނުނަގައިފިއްޔާ އެގެއަށް ދާށެވެ.

* * * * * * * * *

“ދަރިފުޅު މިހާރަކަށް އައިސް ވަރަށް ތަފާތުވެއްޖެހެން މަންމައަށް ހީވަނީ” އިނާޔާ އޭނަގެ ހަގުދަރިފުޅުގެ ހަރަކާތްތަކަށް ބަލަމުން ބުނެލިއެވެ. ރޭގަނޑުގެ ކެއުމަށް ގޭގައި ގެންގުޅޭ މީހުން ސުފުރާތައްޔާރު ކުރަމުންދިޔައިރު އިނާޔާ ދިޔައީ ތަށިތައް އަތުރަމުންނެވެ. އޭނަގެ ހަގުދަރިފުޅު ރޮޒޭން އަތްގާތްކޮއްދެއްމުންދިޔައެވެ. އޭނަ އާއިއެކު ގޭގެ މަސައްކަތްތަކުގައި ފަހަކަށް އައިސް ރޮޒޭން ބައިވެރިވާލެއް ގިނަކަން ފާހަގަކުރެވެއެވެ.

“މަންމައަށް އެހީވާންވާނެއެއްނު….” ރޮޒޭން ރަކިގޮތަކަށް ހީލާފައި ބުނެލިއެވެ.

“ރަނގަޅު އާދައެއްތީ، އެހެންވިޔަސް ކޮންމެވެސް ކަމެއްވެއްޖެހެން މަންމައަށް ހީވަނީ، ދަރިފުޅު ކަމެއްބޭނުންވެގެންތަ ތިއުޅެނީ” މިހެންބުނެ އިނާޔާ ރޮޒޭންއަށް ބަލާލީ އަހަރެންގެ ދަރިފުޅު އަހަންނަށް ވަރަށް ރަނގަޅަށް އެނގެޔޭ ބުނާފަދަގޮތަކަށެވެ.

“ހެ ހެ ހެ…އަސްލު އަޅުގަނޑު މިހުންނަނީ މަންމަ ގާތު ވާހަކައެއް ބުނަން ބޭނުންވެފަ، އެކަމަކު އެހެންމީހުން ނެއްތަނެއްގަ އެވާހަކަ ދައްކަން ބޭނުންވަނީ” ރޮޒޭން އިނާޔާގެ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

“ކޮބާ މަންމަ ބުނީމެއްނު….ތިވާހަކައެއް އަޑުއެހުން ދެން އެންމެ މުހިއްމު ކަމަކަށްވާނީ، މަންމަ ބަދިގޭ ކަންތައްތައް ނިންމާލާފަ ދަރިފުޅަށް ގޮވާލަނަން، އެގޮތް އެންމެ ރަނގަޅެއްނު” އިނާޔާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.

“އަޅުގަނޑު މަންމަ ނިމެންދެން މިތަނުގަ މަޑުކޮއްލަ ފާނަން” ރޮޒޭން އުފަލުން ހުރެ ބުނެލިއެވެ. އެންމެފަހުން އޭނަގެ ހިތުގައިވާ ލޯބި މަންމައަށް ކިޔާދޭނެ ފުރުޞަތެއް ހޯދީއެވެ. ދެން އޮތީ އެމަންމަ ދެކޭނެގޮތެއް ނޭގޭތީ ކުރެވޭ އިންތިޒާރެވެ.

* * * * * * * * * *

ކޮޓަރިއަށް ވަތް ޔޫހާއަށް ޒައުލް އޭނައަށް ދިން ފޯނު ބަލާލެވުނީ ކީއްވެކަމެއްނޭގެއެވެ. އެހެންނަމަވެސް ބަލާލެވުނުކަން ނަސީބެކޭ އޭނަގެ ހިތަށްއެރިއެވެ. ޒައުލްގެ މިސްކޯލު ފެނުމުން އަވަސް އަވަހަށް ގުޅިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ޒައުލް ފޯނުނެގުމާއިއެކު ފަހުން ގުޅާނަން ކަމުގައި ބުނީ ވަރަށް އަވަސް އަރުވާލަފައެވެ. ޔޫހާ ދެބުމަކައިރިކޮއްލުމާއިއެކު ފޯނަށް ބަލާލާފައި ރީތިވާ މޭޒުމަތީ ފޯނު ބޭއްވިއެވެ.

ޝާއިން ކޮޓަރިއަށް ވަނުމާއިއެކު އޭނަގެ ހިތުގެވެރިޔާއަށް ގުޅާލިއެވެ. ލޯބިން ބަހެއްނުބުނެވެނިސް ރޮޒޭންވެސް ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ކަނޑާލީއެވެ. ދެން އައި މެސެޖެކެވެ. އެމެސެޖު ކިޔާލުމަށްފަހު ޝާއިންގެ މޫނުމަތީގައިވި ހައިރާންކަން ފިލާގޮސް ވަރަށް ބޮޑަށް ހިނިތުންވެލައިފިއެވެ. ރޮޒޭންގެ މައްޗަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަން އިތުރުވެގެންދިޔައެވެ.

ހުރިހާ ކަމެއް ނިންމާލުމާއިއެކު ދެއަތްތިލަ ދޮވެލާފައި ކައިރީގައި ހުރި އަތްފޮހޭ ތުވާލިކޮޅުގައި އިނާޔާ އަތްފޮހެލިއެވެ. އަދި ރޮޒޭންއަށް ބަލާލުމަށްފަހު ވާހަކަދައްކަން ބޭނުންވަނީ ކާމޭޒުދޮށުގައި ތިބެތޯ އަހާލިއެވެ. ރޮޒޭން އޭނަގެ މަންމަގެ އަތުގައި ހިފާލަމުން އޭނަގެ ކޮޓަރިއަށް އައުމަށް ބުންޏެވެ.

“މަންމާ، އަޅުގަނޑު ބޮޑުވެއްޖެ ދޯ މިހާރު” ރޮޒޭންގެ އެނދުގައި އިށީނދެލައިގެން އިން އިނާޔާއަށް ބަލާލަމުން ރޮޒޭން އަހާލިއެވެ.

“މައިންބަފައިންނަށް އެމީހުންގެ ދަރިން ދުވަހަކުވެސް ބޮޑެއްނުވާނެ، އެކަމަކު ދަރިފުޅު ބުނަންތިއުޅޭ އެއްޗެއް މަންމައަށް ވިސްނިއްޖެކަންނޭގެ، ދަރިފުޅު ކުއްޖަކާ ގުޅެން ބޭނުންވަނީދޯ….” އިނާޔާ ހީލާފައި ބުނެލިއެވެ.

“އަޅުގަނޑު ރައްޓެހިވެއްޖައިން…ޝާއިން ކިޔަނީ” ރޮޒޭން ޖެހިލުންވެފައި އިންގޮތަކަށް ބުނެލިއެވެ.

ރޮޒޭން އާއި އިނާޔާގެ މެދުގައި ޝާއިންގެ ވާހަކަދެކެވުނެވެ. ރޮޒޭންއަށް ޝާއިން އެނގޭވަރަށް އިނާޔާއަށްވެސް ޝާއިން އެނގިގެން ދިޔައެވެ. އަދި ރޮޒޭންގެ ފޯނުގައި ރެސްޓޯރެންޓެއްގައި ޝާއިން އާއިއެކު ނަގާފައިވާ ފޮޓޮއެއް އިނާޔާއަށް ދައްކާލިއެވެ. ބަލާބެލުމަށް ޝާއިންގެ ހުރިހާ ކަމެއްވެސް އިނާޔާއަށް ކަމުދިޔައެވެ. ޚާއްޞަކޮށް ރޮޒޭންގެ ފަރާތުން އިވުނު ތަޢުރީފުގެ ބަސްތައް އަޑުއިވި ޝާއިންއަކީ ރިވެތި އަޙްލާގެއް ލިބިފައިވާ ޒުވާނެއްކަން އިނާޔާއަށް ޔަގީންވިއެވެ. ރޮޒޭންގެ އުފާވެރިކަމަކީ އިނާޔާގެ ހުރިހާވެސް އުފަލަކާ ހިތްހަމަޖެހުމެވެ. ރޮޒޭން އުފަލުންގޮސް އޭނަގެ މަންމަގެ ގައިގާ އޮޅުލައިގަތެވެ. އިނާޔާ ބޭނުންވީ އޭނައާއި ބައްދަލު ކުރުމަށް ޝާއިން އެގެއަށް ގެނައުމަށެވެ. އަދި އާއިލާގެ އެހެންކުދިންނާއި ބައްދަލުކުރުވަންވެސް ބޭނުންވާކަމަށެވެ. ދުވަހަކުވެސް ރޮޒޭންގެ ފަރާތުން ފިރިހެން ކުއްޖެގެ ނަންކިޔާލި އަޑު މިނޫނީ އިނާޔާ ނާހައެވެ. އެހެންވެ އޭނަގެ ދަރިފުޅު ހިޔާރު ކުރި ހަމައެކަނި ފިރިހެނަކީ ޝާއިންކަން އޭނައަށް އެނގެއެވެ. އެލޯބި ނުލިބެއްޖެނަމަ އެދަރުފުޅުގެ ހިތް ހަލާކުވެދާނެކަން ވަރަށް ރަނގަޅަށް އިނާޔާއަށް އެނގެއެވެ. ދެލޯމަރައިގެން ހުރެ ވިޔަސް އޭނަ އެނިންމުން ނިންމާނީ ހަމައެގޮތަށެވެ. ދަރިފުޅުގެ އުފަލައްޓަކައި ވަކި ފެންވަރެއް ވަކި ދަރަޖައެއް ނޯންނާނެއެވެ. އެދަރިފުޅު ހިޔާރުކުރި ކޮންމެ ބައިވެރިއަކީ އޭނަގެ ދަނބިދަރިއަކަށް ހަދާނެޒުވާނެކެވެ.

“މަންމާ، ދޮންބެ މިކަމާ ގަބޫލުނުވެއްޖެއްޔާ…ޝާއިންއަކީ މުއްސަނދި ފައިސާވެރިއެއްނޫން، އޭނަގެ އާދައިގެ ދިރިއުޅުމާއިމެދު އަޅުގަނޑު ހިތްހަމަޖެހޭ…އެކަމަކު ދޮންބެ…” ރޮޒޭން އިނާޔާގެ އަތްތިލާގައި ހިފާލަމުން ބުނެލިއެވެ.

“ރިޝްވާން އެހެން އުޅުނަސް މަންމަ ބުނެފިއްޔާ އެއްވެސް އެއްޗެއް ނުބުނާނެ” އިނާޔާއަށް ރިޝްވާންގެ ގޮތް ރަނގަޅަށް އެނގޭއިރުވެސް ބުނެލިއެވެ. އެއާއިއެކު ރޮޒޭންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އަދި އޭނަގެ މަންމައަށް އެތަށް ފަހަރެއްގެ މަތިން ޝުކުރު އަދާކުރިއެވެ.

މަންސޫރު ޒައުލް އާއި ސުވާލުކުރީ ހަވީރު އޭނަ ގެއަށް އައިއިރު ހުރި ގޮތާއިމެދުގައެވެ. ޒައުލް އޭނަގެ ބައްޕައަށް ފުރަތަމަ ފަހަރަށް ދޮގު ހެދިއެވެ. އޭނަ އައީ ޔޫހާ ކައިރިންކަން ބުނަންބޭނުންވިޔަސް އެކަން ހާމަކުރާނެގޮތެއް ނޭގުނެވެ. ޔޫހާ އާއިމެދު ރަނގަޅުނޫން ނިންމުންތަކެއް ނިންމާފާނެކަމުގެ ބިރާއިއެކުއެވެ. ޔޫހާ އޭނައަށް ގުޅީވެސް މަންސޫރު އާއިއެކު ވާހަކަދައްކަން ހުއްޓައެވެ. އަވަސް ޖަވާބެއްދެމުން ފޯނު ބޭއްވީއެހެންވެއެވެ.

“ބައްޕައަށް ފެންނަނީ ދަރިފުޅު ހޮޓެލްގަ ނިދުން ތަންކޮޅެއް މަދުކޮއްލުން، ކާރު އޮވޭ، ޖަމާލު އެހުންނަނީ ދަރިފުޅު ބޭނުންތަނަކަށް ގެންގޮސްދޭން ހަމައެކަނި ދަރިފުޅަށް ޚާއްޞަކުރެވިފައި، ދަންވިޔަސް ބައްޕަ ބޭނުންވަނީ ދަރިފުޅު ގެއަށް އަންނަން….ހީކުރަން ބައްޕަގެ މި ނިންމުމާއި ދޭތެރޭ ދަރިފުޅު ވިސްނާނެކަމަށް، މިހާރު ދަރިފުޅު ތިހުރީ ބައްޕަގެ މަގާމުގައި އެހެންވީމަ މީހުން ކިޔާފާނެ އެއްޗަކަށްވެސް ބަލާލަންވާނެ، ވަރަށް ބޮޑަށް މީޑިއާގެ ލޯތަކަށް ސަމާލުވާންޖެހޭނެ…” މަންސޫރުގެ ނިންމުން އިއްވާލިއިރު އެއަޑުގައި ހަރުކަށިކަމެއްނުވެއެވެ. އެހެންނަމަވެސް ޒައުލް ހުރީ ޖެހިލުންވެފައެވެ.

“ކާކުތަ އެގުޅީ، މިގަޑީގަ ކޮންކަމެއްތަ ކުރިއަށް ތިގެންދަނީ” މަންސޫރު އަނެއްކާވެސް ސުވާލުކުރިއެވެ.

“ހޮޓެލުން…” ޒައުލް ބަސްމަދުވެފައި ކިޔަމަންތެރިއެވެ.

“އެހެންނޭ، ހޮޓެލްގަ ކޮންކަމެއްހޭ ކުރިއަށް ގެންދަނީ” މަންސޫރު ޓެރެސްގެ ސޯފާގައި ކުރިން އިންގޮތް ބަދަލުކޮއްލަމުން ބުނެލިއެވެ.

“ގާޑަންވިއުގެ ކަންތައްތައް، އެތަނަށް ބޭނުންވާވަރަށް މުވައްޒަފުންނެއްނެއް، އެތަން ވީހާވެސް އަވަހަކަށް ހުޅުވާލަންކަމަށް” ޒައުލް އަނެއްކާވެސް ދޮގެއް ހަދާލިއެވެ. މަންސޫރު ބޯޖަހާލަމުން އިތުރު ސުވާލެއް ނުކުރިއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު ޒައުލް އެތަނުން ދިއުމުގެ ހުއްދައަކަށް މަންސޫރުގެ ގާތުން އެދުނެވެ.

ސިޑިންފައިބައިގެން ދަމުން ޒައުލް އަވަސް އަވަހަށް ޔޫހާއަށް ގުޅާލިއެވެ. ނަސީބަކުން ގިނައިރެއްނުވެ ޔޫހާ ފޯނުނެގިއެވެ. އެއާއިއެކު ޒައުލް ޔޫހާމެންގެއަށް އެބަދަންކަމުގައި ބުނެ ޔޫހާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފޯނު ކަނޑާލައިފިއެވެ. ގޭޓުން ބޭރަށް ނުނިކުމެވެނިސް ޒައުލްއަށް ލޫލުއާ ގޮވާލިއެވެ. ހާސްކަމާއިއެކު ފަހަތަށް އެނބުރިލި ޒައުލްއަށް ރީތިވެލައިގެން އަންނަ ލޫލުއާއަށް ބަލާލެވުމާއިއެކު އޭނަވެސް އެއަންނަނީ ބޭރަށް ނުކުންނަންކަން އެނގުނެވެ.

ލޫލުއާ ހިނިއައިސްފައި ހުރެ އައިސް ޒައުލް އާއިއަރާ ހަމަކޮއްފިއެވެ. އަދި ޒައުލް ދާތަނެއް އޮޅުން ފިލުވާލަން އަހާލީ އެއްވެސް ގަސްދެއްއޮވެގެނެއްނޫނެވެ.

“ދުއްވާލަން، ދޮންތަ ކޮންތާކަށް…އޯ ހާޒިމް އާއިއެކު ދޯ” ގޭޓުން ނުކުންނަމުން ލޫލުއާއަށް ޖަވާބެއްދިން ޒައުލްއަށް ހާޒިމްގެ ކާރު ފެނުނީ ދެނެވެ. ކާރުގައި އިން ހާޒިމް ކުޑަކޮށް ޒައުލްއަށް އަތްހޫރާލުމުން ޒައުލްވެސް ހިނިތުންވެލަމުން އަތްހޫރާލިއެވެ. ލޫލުއާ އާއި ވަކިވެ ޒައުލް އޭނަގެ އަމިއްލަ ކާރަށްއެރިއެވެ. ފަހަތު ސީޓުގައި އިން ޒައުލް އޭނަގެ ނިތްކުރީގައި މުއްކަވާލި އަތުން ޖަހާލިއެވެ. އޭނަ ކަންބޮޑުވެފައިވަނީ ޔޫހާ އާއި އޭނަ އާއި ދޭތެރޭވާގުޅުން އާއިލާއަށް އަންގާނެގޮތެއް ނޭގިގެންނެވެ. ސީޓަށް ހަށިގަނޑު ދޫކޮއްލުމާއިއެކު ޔޫހާ މެންގެއަށް ދިއުމަށް ޒައުލް ޖަމާލުގެ ކައިރީ ބުންޏެވެ.

ސިޓިން ރޫމު ސޯފާގައި ޓީވީ ބަލަން އިން މަންސޫރުގެ ފޯނު ރިންގުވުމާއިއެކު ބަލާލެވުނެވެ. އޭނައަށް ގުޅަނީ މަންމަ ލާއިގާއަށްވީތީ ޖަވާބު ދިނުމަށް އަވަސްވެގަތެވެ.

“ނިދަން ދަމުން ދަރިފުޅަށް ގުޅާލީ ޓިކެޓް ހަމަޖެހުނު ވާހަކަ ބުނަންވެގެން” ލާއިގާ ބުނެލިއެވެ.

“އެހެންވީރު ދެން ކޮންދުވަހަކުންތޯ މަންމަ އާއި އީލާކް މިކޮޅަށް އަންނީ” މަންސޫރު ކުރިމަތީ ހުރި ކުޑަމޭޒުގެ މަތީގައި އޮތް ޓީވީގެ ރިމޯޓް ނަގާ އަޑުމަޑުކޮއްލަމުން ފޯނުން ވާހަކަދެއްކިއެވެ.

“ދެދުވަހެއްތެރޭ އިރާދަކުރެއްވިއްޔާ ހުންނާނީ މާލޭގަ….ސަމަދު ގާތުވެސް ބުނެލާފަބާއްވާ ކައިވެނީގެ ހުރިހާ ކަމެއް ކުރާނީ އަންހެންކުއްޖާގެ އާއިލާގެ ފަރާތުންކަން، އަދި ކައިވެނީގެ ފޯމު ފުރުމަށްވެސް ކުޑަހަފްލާއެއް ބާއްވާލަން ފެންނަ ކަމަށް…ކައިވެނީގެ ކަންތައްތައް ކުރިއަށް ދާއިރު ދެއާއިލާގެ ގުޅުންވެސް ބަދަހިވާނީ އޭރުންނު، އަނެއްކާ އާއިލާގެ އެންމެ ފުރަތަމަ ކައިވެންޏަށްވީމަ މަންމަ ބޭނުން ވަރަށް ފުރިހަމަވާން….ބުނަން ތިކޮޅަށް ދާދުވަސްނޫން އަނެއްދުވަހު ކައިވެނީގެ ފޯމް ފުރުމުގެ ހަފްލާ ބާއްވަންވާނެ…ކީކޭ ދަރިފުޅު ބުނަނީ” ލާއިގާ އެއްފަހަރާ އެތަށް ވާހަކައެއް ދައްކާލިއެވެ. މަންސޫރުއަށް ލާއިގާގެ އެވާހަކަތަކުން ލޫލުއާގެ ކުރެވެން މިއުޅޭ ކައިވެންޏާމެދު ލާއިގާވަނީ ވަރަށް ހިތްހަމަޖެހިފައިކަން އެނގުނެވެ.

“މަންމައަށް ފެންނަގޮތެއް އަޅުގަނޑަށް އެންމެ ރަނގަޅު، ވަރަށް އުފާވެއްޖެ ދެދުވަސްތެރޭގައި މިކޮޅަށް އަންނަން އުޅޭ ޚަބަރު ލިބުމުން، މަންމަ ބޭނުންވާ ގޮތަށް އަޅުގަނޑު ހުރިހާ ކަމެއް ހަމަޖައްސާނަން، ސަމަދުގެ އާއިލާ ތިބީ އަޅުގަނޑުގެ އިޝާރާތަކަށް މަޑުކޮއްލައިގެން، އަޅުގަނޑު ކުރިން ބުނިން މަންމަ މިކޮޅަށް އައީމަކަން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ….ކޮބާތޯ އިލާކް، މާލެ އަންނަން ޖެހުމުން ޔަގީނުންވެސް އެކުއްޖާ ހުންނާނީ ހިތްހަމަނުޖެހިފަ” މަންސޫރުއަށް އެއްކަމެއް ޔަގީންވާތީ އަހާލެވުނެވެ.

“އާން، ތިބުނީ ހަމަ ރަނގަޅަށް، އީލާކް ވަރަށް ހިތްހަމަނުޖެހިގެން އުޅުނު، އެކަމަކު ލޫލުއާގެ ކައިވެނީގެ ވާހަކަ އަޑުއިވުނުފަހުން އެކަން ވަރަށް ކުޑަ، ދެން ޖުނައިދުވެސް ވަރަށް ވިސްނައިދޭ އީލާކްއަށް، ކޮބާތަ ތިކޮޅުގަ އުޅޭ ކުދިންތައް؟ ޒައުލް ކޮބާތަ، މިހާރު ދެތިން ދުވަސްވެއްޖެ އެއްގޮތަކަށްވެސް މަންމައަށް ގުޅާނުލާތާ، ވަރަށް އަވަދިނެތި ދޯ އުޅެނީ…އަދި އެނގޭތަ ޖުނައިދުވެސް އެބަކިޔާ ކައިވެންޏަށް މާލެ ދެވޭތޯ ބަލާނަމޯ، އެކަމަކު މަންމައަށް އެއްވެސް އިތުބާރެއްނެއް، މިހާރުވެސް ނުލާހިކު ބުރަކޮށް އުޅެނީ، ކިހިނެއް އެއޮއްބޮޑު އާއިލާ އާއިއެކު މިކޮޅަށް އަންނާނީ….އެހެންވިޔަސް ދައުވަތު ދީފިން” ލާއިގާ ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.

“މަންމާ، ތިހެން ބުނީމަ އަޅުގަނޑު ކަމަކާ މަޝްވަރާއެއްކޮއްލަން ބޭނުން، ޒައުލް އާއި ގުޅިގެން”  މަންސޫރުގެ އަޑުގެ ރާގު ބަދަލުވިއެވެ.

“ކިހިނެއްވީ ދަރިފުޅު ކަމަކާ ކަންބޮޑުވާހެން ހާދަހީވެޔޭ” ލާއިގާއަށް ކަމެއް ފާހަގަކުރެވިގެން އަހާލާފަދަ ގޮތަކަށް ބުނެލިއެވެ.

“ޒައުލް ބަދަލުވެއްޖެހެން ވަރަށް ހީވޭ، މާގިނައިރު ހޮޓެލްގަ އުޅެނީ، ނިދަނީވެސް އެތަނުގަ ކަނީވެސް އެތަނުގަ، ދެން އަނެއްކާ މިއަދު ހަވީރު ފެނުނީ މިއިން ދުވަހަކުވެސް ފެނިފައިނުވާ މަންޒަރެއް….ޒައުލްއަކީ އަބަދުވެސް ސްމާޓްކޮށް ހުރުމަށް ލޯބިކުރާ ޒުވާނެއް، އެއާހިލާފަށް މިއަދު ހަވީރު ގެއަށް އައީ ކޮންތާކުންކަމެއް ނޭގޭ، ޔަގީނުންވެސް ހޮޓެލުން އައިނަމަ ހުންނާނީ ފެންވަރާ ރީތިވެލައިގެންނު…” މަންސޫރުގެ ވާހަކަ މެދުކަނޑާލީ ލާއިގާއެވެ.

“މަންމައަށްވެސް ޒައުލްއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވުނު، އަދި އެކަމާ އަންހެން ކުއްޖަކާ ގުޅުމެއްވާކަން އެނގޭ، އަނެއްކާ ގެއަށް ގެނައީތަ ނޫނީ ހަވީރު އެއަންހެން ކުއްޖާ އާއިއެކު ފެނުނީތަ” ލާއިގާ ބުނެލިއެވެ.

“ނޫން މަންމާ، އަދިއެއް ތިކަހަލަ އެއްވެސް މަންޒަރެއް ނުފެނޭ، އެކަމަކު އޭނަ ހަވީރު ގެއަށް އައިއިރު ލައިގެން ހުރި ހެދުމުގައިވަނީ ރޫޖެހި ބޮލުގެ އިސްތަށިގަނޑު ހޭވިފައި…ހެނދުނު އަޅުގަނޑާއި ލޫލުއާއިއެކު ނާސްތާކޮއްގެން ގެއިން ނުކުތްގޮތަށް ހަމަ އެހެދުމުގައި ހުރީވެސް….މޫނުމަތިން ފެނުނީ ނިދީގެ އަސަރު، އަޅުގަނޑު ފެންނަ ހިސާބުގައި ހުއްޓަ ޒައުލް ނުދާނެ އަޅުގަނޑަށް ގޮވާނުލައެއް، މިފަހަރުވީ އެހެނެއްނޫން، އަޅުގަނޑު ސިޓިން ރޫމު ސޯފާގައި އިންކަން ޒައުލްއަށް ނުވެސް އެނގުނު، އަދި ކުރިން ރޭ ވަރަށް ރުޅިއައިސްގެން މީހަކާ ފޯނުން ވާހަކަދެއްކި އަޑުވެސް އިވުނު، ކޮންމެވެސް އަންހެން ކުއްޖެއްގެ ނަންކިޔަމުން ވާހަކަދެއްކީ، އެކަމަކު މިހާރު އަޅުގަނޑު ހަނދާނެއްނެތް އެއީ ކޮންނަމެއްކަމެއް، އަޅުގަނޑަށް ހީވަނީ ޒައުލް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭހެން، އަޅުގަނޑު ގާތު އެއްވެސް ވާހަކައެއް ޒައުލް ދައްކަން ބޭނުންވާހެނެއް ހިއެއްނުވޭ، އެހެންވިޔަސް މިއަދު އެފެނުނު މަންޒަރުން އަޅުގަނޑު ޒައުލްގެ ގާތު ބުނެފިން ކޮންމެ ރެއަކުވެސް ނިދަން ގެއަށް އައުމަށް، އަދި ހޮޓެލްގައި ކައިބޮއެ ނިދާހެދުން މަދުކުރުމަށް…..މަންމާ، ހުރި ހަމައެކަނި ފިރިހެން ދަރިއަށްވެފަ އިތުބާރު ކުރިޔަސް މިފަދަ މަންޒަރުތަކުން އަޅުގަނޑު ކަންބޮޑުވޭ….” މަންސޫރުގެ ދުލުން ފުރަތަމަ ފަހަރަށް އޭނަގެ ދަރިއަކާއިމެދު ކަންބޮޑުވާކަން ހާމަކުރުމުން ލާއިގާވެސް ކަންބޮޑުވިއެވެ.

“މަންމަ މާލެ ދިއުމުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެ، ތިވީގޮތުން މާލެ ދެވުމާއިއެކު ޒައުލްގެ ދިރިއުޅުމަށް ތިހާ ބޮޑު ބަދަލެއް ގެނުވި ކަމެއްވެސް އޮޅުންފިލުވާނަން…” ލާއިގާ މަންސޫރުއަށް ވިސްނާދީފައި ފޯނު ބޭއްވީއެވެ.

ޔޫހާގެ ހިތްވަނީ އަވަސްވެފައެވެ. ސިޓިން ރޫމު ސޯފާގައި އޭނަގެ އެއްފަރާތުގައި އިށީނދެލައިގެން ޒައުލްއިނެވެ. ދައްކާނެ ވާހަކައެއް ނޭގުނަސް އެދެމެދުގެ ހިމޭންކަން ފޫއްދުއްވަމުންދިޔައީ ހުޅުވާފައި ހުރި ޓީވީއެވެ. ޒައުލް އިނުމުން ޝާއިންވެސް ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. އެހެންތިބިއިރު ދެމީހުންގެ ސަމާލުކަންވެސް ހުއްޓުނީ ޔޫހާގެ ފޯނަށް އައި މެސެޖަށެވެ. ޒައުލް ސުވާލުގެ ނަޒަރަކުން ޔޫހާއަށް ބަލާލިއެއްކަމަކު ޔޫހާ އެއްވެސް އެއްޗެއް ނުބުންޏެވެ. ގިނަވަގުތުތަކެއް އެގޮތުގައި ވޭތުވެގެންދިޔައެވެ. ދުލުން ބަހެއް ނުބުނިކަމުގައިވިޔަސް ލޮލުން އެތަށް ސުވާލަކާއި ވާހަކައެއްދެކެވެމުންނެވެ.

މުޅިން އާދުވަހަކަށް އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ފަތުރާލާފައިވެއެވެ. ވަށައިގެންވި މާހައުލަށް މަޑުމަޑުން ހޫނުކަން ވެރިވަމުންދިޔައެވެ. ޓެރެސްގެ ރެއިލިންގައި އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތުން ކޮފީ ޖޯޑެއް ބޮމުން ޒައުލްދިޔައެވެ. އެތަނުގައި އޭރު އެކަކުވެސް ނެތެވެ. މީރު ކޮފީގެ ރަހަ އާއިއެކު ފުންނޭވާއެއް އެތެރެއަށް ދަމާލަމުން މާހައުލުގެ ތާޒާކަން އިޙްސާސް ކޮއްލީ ދެލޯ މަރާލަމުންނެވެ. އިރުކޮޅަކުން އެހެން ހުރުމަށްފަހު ޓެރެސްގައި ހުރި ސޯފާ އާއި ދިމާލަށް ހިނގައިގަތެވެ. ވަށައިގެންވި މާހައުލު ފެންނާނެ ގޮތަށް ހުރި ސޯފާގައި ޒައުލް އިށީނދެ އެއްފަރާތުގައި ހުރި މޭޒުގެ މަތީ ކޮފީ ޖޯޑު ބަހެއްޓިއެވެ. އަދި ސޯފާގައި ބާއްވާލާފައި އޮތް ޓެބްލެޓް ނަގާ ހުޅުވާލަމުން ދުވަސް ރޭވިފައިވާ ގޮތް ބަލާލިއެވެ. ޒަައުލް ވިސްނާލާފައި ބައެއްކަންތައްތައް އިތުރުކޮއްލިއެވެ.

އޮފީހަށް ޒައުލް ދިއުމާއިއެކު އެންމެ ފުރަތަމަވެސް ގާޑަންވިއުއަށް އިތުރު ސްޓާފުން ބޭނުންވެގެން އެފުރުޞަތު ހުޅުވާލިއެވެ. މީޑިއާގައި އެކަން އެނގޭނޭފަދަ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. އަދި ގާޑަންވިއުގެ މުވައްޒަފުންގެ ގޮތުގައި ހިޔާރު ކުރި ސްޓާފުންގެ ނަންލިސްޓް ހުރިހާ ހޮޓެލަކަށް ފޮނުވުމާއިއެކު އެމީހުންގެ ވަޒީފާ ބަދަލުވިކަމުގެ ލިޔުން ހަވާލުކުރުންވެސް އޮތެވެ. ހުރިހާ އެންމެންގެ ފަރާތުންވެސް ހޫނު މަރުޚަބާއެއް ލިބުނީ އެހެންވެދާނެކަން ހީވެސް ނުކުރާ ޝާއިންއަށެވެ. ފައުޒީގެ މަގާމު ހަވާލުކުރީ އޭނަގެ ދަށުން މަސައްކަތް ކުރަމުން އައި ރަމީޒު އާއިއެވެ. އަނެއްކޮޅުން ޕާކްވިއު ހޮޓެލް ތެރޭގައި ފައުޒީ ވަޒީފާއިން ވަކިކުރި ވާހަކަ ޒައުލް ހީކުރިގޮތަށް އެހޫނު ކަމާއިއެކު އަދިވެސް ދެކެވެމުންދެއެވެ. ހަގީގަތް އެނގެނީ ހަމައެކަނީ ޒައުލް އަށާއި ޝާއިންއަށް އެކަންޏެވެ. ބުރަދުވަހަކަށްވެފައި ޒައުލްއަށް ޔޫހާ އާއި ބައްދަލުކޮއްލާނެ ފުރުޞަތެއް ލިބުނީ ހަވީރު ހަތަރެއްޖެހިއިރު ހޮޓެލްގެ މަސައްކަތްތައް ދުވަހަށް ނިންމާލުމުންނެވެ. ގެއަށް ދިޔައެއްކަމަކު ފެންވަރާ ރީތިވެލައިގެން ޒައުލް ނުކުތީ ޔޫހާ އާއި ބައްދަލުކުރުމަށެވެ.

ޝާއިންގެ އުފާވެރި ކަމުގައި ރޮޒޭން ބައިވެރިވީ ފޯނުންނެވެ. އަދި ރޭގަނޑުގެ ކެއުމަށް ތަނަކަށް ދިއުމަށް ޝާއިން ރޮޒޭންއަށް ދަޢުވަތު އެރުވިއެވެ. ރޮޒޭންގެ ލޯބީވެތި އަދާތަކަށް ޝާއިންގެ ހިތްފިދާވަމުންދިޔައީ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

ޔޫހާއަށް އޭނަގެ ދައްތަ ޝަފަގު ގުޅިއެވެ. ނަމަވެސް މިފަހަރުވެސް ޒައުލް އާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އަދި މަންމަ އާއި ވާހަކަދައްކާނެހާ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ޝަފަގު ތަކުރާރުކޮށް ދެއްކި ވާހަކައަކީ ޔޫހާ އަލުން ދިރިއުޅުމެއް ފެށޭތޯ މަސައްކަތް ކުރުމަށެވެ. އެނބުރި ރަށަށް ނަޔަސް މަންމަވެސް އަދި އޭނަވެސް ހިތްހަމަޖެހޭނީ ޔޫހާ މީހަކާ އިނދެގެން ހުރީމަކަމުގައި ބުންޏެވެ. ޔޫހާ އެކަމަށް އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. ޝާއިން އާއި ގުޅުމަށް ޝަފަގު ހިޔާލު ދީފައި މިހާރު އެކަންވެސް ހުއްޓާލީ ޝާއިންގެ ދިރިއުޅުމަށް މީހަކު އައިސްފިކަން އެނގުމުންނެވެ. އެކަމަށް ހުދު ޝާއިން އަމިއްލައަށްވެސް ވަނީ އެއްބަސްވެފައެވެ.

ޔޫހާއަށް އޮފްދުވަހަކަށްވެފައި ދަރިފުޅާއިއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވިއެވެ. އަދި ޒައުލް ގަނެދޭ އެއްޗިއްސަށް ކިޔާން ހެއްލިދާނެތީ އޭނަ ކަންބޮޑުވެއެވެ. ދަރިފުޅަށް ރަނގަޅު ނަސޭހަތްދީ ވިސްނާދޭން ޔޫހާ މަސައްކަތްކުރެއެވެ. ޔޫހާއަކީ ފައިސާވެރިއެއްނޫން ކަމާއި މުއްސަނދި ދިރިއުޅުމުގައި އުޅުމުގެ ފުރުޞަތެއް ދުވަހަކުވެސް ލިބިފައިނުވާ އަންހެނެއްކަމެވެ. އަދި އެފަދަ ދިރިއުޅުމަކީ ބައެއްފަހަރަށް މީހާގެ މަގުއޮޅި ބޮޑާވާން ފަހިވާ ފުރުޞަތަކަށްވެދާކަންވެސް އޭނަ ގަބޫލުކުރެއެވެ.

ދެދުވަސް ހޭދަވެގެން ދިޔައީ މިފަދަގޮތަކަށެވެ. ޔޫހާ އާއި ޒައުލްގެ ދިރިއުޅުމުގައި މާބޮޑު ކަންތައްތަކެއް ނުހިނގައެވެ. އެހެންނަމަވެސް ދެމީހުންގެ ސިކުނޑީގައިވެސް އެކަކު އަނެކަކުގެ ސޫރަ ކުލަފޮޓޮއެއްހެން ކުރެހިފައިވެއެވެ. ދުވަހުގެ ކޮންމެވެސް ވަގުތަކު އެދެތުންފަތަށް ދެމީހުންގެ ހިޔާލުތަކުން ފަނޑުނަމަވެސް ހިނިތުންވުމެއް ވެރިކުރުވައެވެ. ޒައުލް އިންތިޒާރު ކުރަމުންދިޔައީ އެއަތުގެތެރެއަށް ޔޫހާ ގެނެސްލެވޭނެ އިރަކަށެވެ. އޭނަގެ ހައްގަކަށް މުޅި އުމުރަށް ޔޫހާވާނޭ ދުވަހަކަށެވެ.

އައްޔަދުއަށް ފައުޒީގެ ފަރާތުން ވަރަށް ގިނަކަންތައްތައް އެނގިގެންދިޔައެވެ. އޭނަގެ މާގާތް ރައްޓެއްސަކަށް ފައުޒީވެއްޖެއެވެ. ދޭތެރެއަކުން ޔޫހާއަށް ގުޅާ ހާލުބަލާލައެވެ. ފައުޒީގެ ވާހަކައިން އޭނައަށް މަންސޫރުގެ ކުންފަންޏާއި ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރެއް ފެނިއްޖެއެވެ. އޭނަގެ އަތްފޯރާ ހިސާބު ކައިރިންނެވެ. އެކަމަށް ބޭނުންވަނީ ކުޑަހިތްވަރެކެވެ. އާފާގު އާއިއެކު ހޮޓެލްގެ ރެނޮވޭޝަންގެ މަސައްކަތްތައް ފެށިއެވެ.

ހެނދުނު ދިހައެއް ޖަހާލާކަން ހާއިރެވެ. ގޭތެރެއަށް ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން އައި އީލާކްގެ އަޑުއިވި ސިޓިން ރޫމުގައި ތިބި ޒައުލް އާއި ލޫލުއާއަށް ހައިރާންކަންވެރިވެގެންދިޔައެވެ. ލޫލުއާ އާއި އީލާކް އާއި ދެބެން އެކަކު އަނެކަކުގެ ގައިގާ އޮޅުލައިގަތެވެ. ޒައުލް ދޮރާދިމާލަށް ބަލާލިއިރު މަންސޫރު އާއިއެކު ލާއިގާ ވަދެގެން އަންނަނީއެވެ. މާމައަށް ހިނިތުންވެލަމުން ލޫލުއާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި އީލާކްގެ އިސްތަށިގަނޑަށް ކުޑަކޮށް ދަމާލިއެވެ.

“ކީއްވެ ނުބެނެއައީ…އެހެންނޫންނަމަ އެއާރޕޯޓަށް ބަލާދެވުނީހެއްނު” ޒައުލް ހިތްހަމަނުޖެހޭ ގޮތްދައްކާލަމުން ބުނެލިއެވެ. ލޫލުއާ އާއިއެކު  ޒައުލްވެސް ގޭގައި މަޑުކޮއްލައިގެން ތިބީ މަންސޫރުގެ އެދުމަށެވެ. ފަހަރެއްގަވެސް ލާއިގާ އަންނަކަން އެނގިއެއްނޫނެވެ. އެހެންވިޔަސް ޒައުލް އާއި ލޫލުއާގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ.

“ސަޕްރައިޒް…ސައިޕްރައިޒް…އަސްލު މާމަގެ ޕްލޭނެއްމީ، އޯ ދޮންތާ، ކޮންގްރާ…” އީލާކްގެ މޫނުމަތިން އާދަޔާއި ހިލާފު އުފާވެރިކަމެއް ފެންނަމުންދިޔައެވެ. އޭނަ ޒައުލް އާއި ލޫލުއާ އާއި އެއްފަހަރާހެން ވާހަކަދައްކަމުންދިޔައެވެ. ލާއިގާ އައިސް ޒައުލްގެ ކޮނޑުގައި ފިރުމާލީ ލޯބިންނެވެ. އަދި ލޫލުއާގެ ގާތުގައި ހުއްޓިލަމުން މާމަދަރިފުޅު ގާތްކޮއްލީ ލޯތްބާއިއެކުއެވެ.

“މާމަ ވަރަށް އުފާވެއްޖެ، ދަރިފުޅުގެ ކައިވެންޏަށް މާމަ ވަރަށް ފޮނި ހުވަފެންތަކެއް ދެކުނިން، މިއަދު އެހުވަފެންތައް ހަގީގަތަކަށްވާން ކައިރިވެއްޖެކަންވެސް އެނގިއްޖެ، ދަރިފުޅުގެ ހޮވުމާއި ދޭތެރޭ މާމަ ވަރަށް ހިތްހަމަޖެހޭ” ލާއިގާ އޭނަގެ އަތުގެތެރޭ ގާތްކޮއްލައިގެން ހުރި ލޫލުއާއަށް ބުނެލިއެވެ. މިވާހަކަތައް އަޑުއަހަން ހުރި ލޫލުއާގެ ދެކޯތާފަތަށް ލަދުވެތިކަމާއިއެކު ޖަންބުކުލަ އަރައިގެން ދިޔައެވެ. މިމަންޒަރުތައް ބަލަން ހުރި ޒައުލްގެ ސިކުނޑީގައި އެކިހިޔާލުތައް ކޮޅުކޮޅަށް އެނބުރެންފެށިކަހަލައެވެ. ލާއިގާ އައުމުން އޭނަގެ މުރާދުތައް ހާޞިލްކުރުމަށްވެސް އިތުރު ފަސޭހަކަމެއްވެގެން ދާނެކަން އެނގޭތީއެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނިއައިސްފައި މަންސޫރު ހުރިހާ ދަރިންނަށް ބަލަންހުއްޓެވެ. މީހެއްކައިރީ އޭނަ ނުބުނި ކަމުގައިވިޔަސް މިފަދަ ވަގުތުތަކުގައި އޭނަގެ ކުދިންގެ މަންމަ މަތިން ހަނދާންވެއެވެ. އެއީ ހުދު އޭނައަށްވެސް ބަދަލު ކުރެވޭނެ ކަމަކަށްނުވާތީއެވެ. އޭނަގެ ކުދިންގެ މަންމައަށް ދެވުނު މަގާމު ދުވަހަކުވެސް އެހެން އަންހެނަކަށް ދޭކަށް އޭނަ ބޭނުމެއްނުވެއެވެ. މިހާ ދުވަސްވަންދެން އިތުރު ކައިވެންޏެއް ނުކޮށް ހުރީވެސް އެހެންވެއެވެ. ނަމަވެސް އޭނަގެ ހަޔާތަށް އަލުން އެނބުރި ޒަރާނާ ނާންނާނެކަން އޭނައަށް ޔަގީންވެއެވެ.

އައްޔަދުގެ ފޯންކޯލަށް ޖަވާބުދިނުމަށް ފޯނުނަގާ ޔޫހާގެ ކަންފަތުގައި ޖައްސާލިއެވެ. އޭނަގެ ތުންފަތަށް ވަގުތުން ހިިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޔޫހާއަށް ނޭގުނު ކަމުގައިވިޔަސް އައްޔަދުގެ އެދުމެއްވެއެވެ. މީގެ ކުރިން އޭނަ ބޭނުންވީ ޔޫހާ އާއިއެކު ގާތްގުޅުމެއް އުފައްދާށެވެ. ދިރިއުޅުމުގައި ޙިއްޞާކުރާށެވެ. ނަމަވެސް މިހާރު އޭނަގެ ބޭނުންވަނީ މަންސޫރުގެ ފިރިހެން ދަރިފުޅު ޒައުލް އާއި ދެކޮޅަށް ހިއްލާލާ ހަތިޔާރެއްގެ ގޮތުގައި ޔޫހާ މުހުތާދުކުރާށެވެ. ޒައުލްއަށްވުރެވެސް ޔޫހާ ގާތްކުރަމުންނެވެ. ކޮންމެފަދަ މިންގަނޑެއް ފަހަނައަޅާ ދާންޖެހުނު ކަމުގައި ވިޔަސްއެވެ. ހަގީގަތަކީ އޭނަގެ ދިރިއުޅުމަށް ވަންނަން ޔޫހާގެ އެއްވެސް ޝައުގުވެރިކަމެއްނެތުމެވެ. ފައުޒީ ދައްކާ ހުރިހާ ވާހަކައެއް ތެދުކަމުގައި ނުވިޔަސް އޭނަ ބޭނުންވަނީ މަންސޫރުގެ ވިޔަފާރި ވައްޓާލުމަށެވެ. ފައުޒީއަށް އޭނަގެ ބައްޕަގެ ގާތުގައި އެދިގެން ވަޒީފާވަނީ ހަމަޖައްސާދެވިފައެވެ. ޒައުލް އާއި ދެކޮޅަށް އައްޔަދު ހުރުންވީ ފައުޒީއަށްވެސް ބަދަލު ހިފުމަށް ލިބުނު އިތުރު ހިތްވަރަކާއި ބާރަކެވެ.

“ޔޫހާއަށް އެނގޭތަ، އަހަރެންގެ މަންމަ އުޅެނީ ޔޫހާ ދެކިލާ ހިތުން، ބުނި ކޮންދުވަހަކުންހޯ މިގެއަށް ގެންނާނީ، އަދި ބުނި ޔޫހާގެ ދަރިފުޅުވެސް ގޮވައިގެން އައުމަށް” އައްޔަދު ޖޯޝުއެކުލެވިގެންވި ރާގެއްގައި ބުނެލިއެވެ.

“ސުބްޚާނައްﷲ…ނުކެރޭނެ، ތިގެއަށް ކީއްކުރަންތަ އަހަރެން ގެންދަނީކީ، އައްޔަދު ގޭމީހުން ކައިރީ އަަހަރެންގެ ވާހަކަ ދައްކަނީ ކީއްކުރަންތަ” ޔޫހާ ބުނެލިއެވެ.

“އެވަރުކަމެއްތަ އެއީ، އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށް ކޫލްވާނެ، އަސްލު މަންމަ ހީކޮއްގެން އުޅެނީ އަހަރެން ކުއްޖަކާ ރައްޓެގިވެގެންނޭ އުޅެނީ، އެހެންވެ އެއީ ކުއްހީއެއްކަން ސާބިތުކޮއްދޭންވެގެން ތެދަށް ހުރިހާ ވާހަކައެއް ކިޔާދިނީ، ޔޫހާއަކީ އަހަރެންގެ ހުރި ހަމައެކަނި ގާތް ރަޙުމަތްތެރިޔާކަން ބުނެދިނީ….ދެން މަންމަ އެދުނީ ޔޫހާ އެއްދުވަހަކުން ގެއަށް ގެނައުމަށް، އޭގަ އަހަރެން ކީއްކުރާނީ، އެކަމަކު ޔޫހާ ވާނެ އަންނަން، މަގޭ މަންމަ ބުނީމަ ވާނެއެއްނު އިންވިޓޭޝަން ގަބޫލުކުރަން….ޕްލީޒް…” އައްޔަދު އާދޭސްކޮއްލިއެވެ.

“ހޫން…ދެން ނޭގެ، އަހަރެން ވިސްނާލަން ވަގުތުކޮޅެއް ދީ” ޔޫހާ އަވަަސް އަވަހަށް ޖަވާބުދިނީ ހަދާނެގޮތެއް ނޭގިހުރެއެވެ. އެކުވެރިކަމަށްވެސް ފުރުޞަތުދޭން ޖެހިލުންވާ ޔޫހާގެ ދިރިއުޅުން މަޑުމަޑުން ބަދަލުވަމުންދާކަން އޭނައަށްވެސް ފާހަގަކުރެވުނެވެ. ބައެއްފަހަރު އޭނަ އެފަދަ ފުރުޞަތުތަކަށް އަމިއްލަ ދިރިއުޅުމުގައި ޖާހަގަ ހުސްކުރަމުންދަނީ އަބަދު ފިލާނީދެވޭނެކަން އެނގޭތީކަންނޭގެއެވެ. ނޫނީ ދިރިހުރުމުގެ ފުރިހަމަ އުފަލާ ހިތްހަމަޖެހުން އިޙްސާސްކޮއްލުމަށް ބޭނުންވަނީއެވެ. މާޒީގެ ސަބަބުން ލިބިފައިވާ ހިތްދަތިކަމާ ދުރުވެ އަލުން އޭނަގެ ހިތަށް އާރޯކަންވެރިކުރުވަން މަސައްކަތްކުރަނީއެވެ. ޒައުލްގެ ފަރާތުން ލިބެމުންދިޔަ އުއްމީދުގެ ހުޅުކޮޅަށް ދިރުންލިބިގެންދިޔަފަދައިންނެވެ. މީހުންގެ ތެރޭގައި ފޮރުވުންތެރިކަމެއްނެތި ހިނިތުންވެލުމަށް އޭނަ ބޭނުންވަނީއެވެ.

“މަންމީ، ޑެޑީ ބުނި މިއަދު އަންނާނަމޭ، ކާރު ދުއްވާލަން ދާން” ކިޔާން ބުނެލިއެވެ. އޭރު ބަދިގޭގައި ޔޫހާ ކައްކަން ހުއްޓެވެ.

“މިގަޑީގަ ޑެޑީވާނީ އޮފީހުގަ ކަންނޭގެ، އެހެންނޫނަސް ކާރުދުއްވާލަން ދާނީ ހަވީރު ހިޔާއެރީމައެއްނު” ޔޫހާ މަސައްކަތުގައި ހުރެވެސް ކިޔާންއަށް ޖަވާބުދިނެވެ.

“އެއީ ގަޑިން ކިތަކެއް ޖެހީމަތަ” ކިޔާން އޭނައަށް ޒައުލް ގަނެދިން ގަޑިއެއް އަތުކުރީގައި އަޅާލައިގެން ހުރެ އެއަށް ބަލާލާފައި އަހާލިއެވެ. އެމަންޒަރު ފެނި ޔޫހާގެ ގާތަށް ހިނިއައެވެ.

“ފައިވް އަ ކްލޮކްވީމަ” ޔޫހާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭ ކިޔާން ޒައުލް އާއި ވަރަށް ގާތްވެއްޖަކަން ޔޫހާއަށް ފާހަގަ ކުރެވެއެވެ. ކިޔާން ޒައުލް އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވެއެވެ. އެންމެ ދުވަހަކު ނުފެނުނު ކަމުގައިވިޔަސް ޒައުލްއަށް ގުޅާދިނުމަށް އޭނަ މިހާރު ޔޫހާގެ ކައިރިން އެދެއެވެ. ޝާއިން އާއި ކުރިން އޮތް ގާތްކަން އޭނަ ޒައުލްއަށް ދޭކަންވެސް ޔޫހާއަށް އެނގުނެވެ. އެއީ ކީއްވެކަންވެސް ޔޫހާއަށް އެނގެއެވެ.

ނުވަގަޑީގެ ޖޫހާ ލުއިކާނާއަކަށްފަހު ލާއިގާ އާއި ހުރިހާ ކުދިންވަނީ އޭނަގެ ކޮޓަރިއަށެވެ. ޒައުލް އެނބުރި ހޮޓެލަށް ދިއުމުގެ ހުއްދައަކަށް އެދުމުންވެސް އެކަން ލާއިގާ މަނާކުރީއެވެ. އެހަށް އާއިލާ އާއިއެކު މަޑުކޮއްލުމަށް އެދެމުންނެވެ. ލާއިގާގެ ކޮޓަރީގައި ހުރިި ސޯފާގޮނޑީގައި އޭނަ އިށީނދެލައިގެން އިނދެ ފޮށި ހުޅުވާލީ ކުދިންނަށް ގެނައި ހަދިޔާތައް ހަވާލުކުރުމަށެވެ. އަދި ޚާއްޞަކޮއް ލޫލުއާގެ ކައިވެންޏަށް ގެނައި ހެނދުމާ ގަހަނާތައް ދައްކާލުމަށެވެ. ކެތްތެރިކަން ކުޑަވެފައި އިން ލޫލުއާގެ ހިތް އަވަސްވެފައިވަނީ މާމަ އޭނަގެ ކައިވެންޏަށް ހަރަދުކޮއްފައިވާވަރު މިފަހަރު ފެނިގެންދާނެކަން އެނގޭތީއެވެ. ޔަގީނުންވެސް މާމަގެ ހޮވުންތައް ގޯހެއްނުވާނެކަން ޔަގީންވާތީއެވެ. ލޫލުއާ ސޯފާގައި ލާއިގާގެ ގާތުގައި އިށީނދެލައިގެން އިންއިރު އީލާކް ހުޅުވާލެވިފައިވާ ފޮށީގެ ކައިރީ ކާޕެޓުމަތީ އިށީނދެލައިގެން އިނެވެ. ދެޖީބަށް އަތްޖަހާލައިގެން އެއްފަރާތެއްގައި ޒައުލް އާއި މަންސޫރު ހުއްޓިލައިގެން ހުއްޓެވެ. ލާއިގާގެ ސަމާލުކަން ބޮޑަށް ދެވިފައިވަނީ ލޫލުއާއަށެވެ. އޭނަގެ ވާހަކަތައް ގުޅިފައިވަނީ ލޫލުއާގެ ކައިވެންޏާއެވެ. އީލާކް އާދައިގެ މަތިން އޭނަގެ އެކިއެކި ހިޔާލުތައް ފާޅުކުރަމުންދިޔައެވެ.

މެންދުރުފަހުގެ ޑިއުޓީގައި ޔޫހާ އުޅުނުއިރުވެސް ހޮޓެލްގައި ޒައުލް އުޅޭކަމުގެ އެއްވެސް އިޝާރާތެއްނުވިއެވެ. އަނެއްކޮޅުން ޒައުލްގެ ފޯނު ކޯލެއްހާ ހިސާބުވެސް އޭނައަށް ނާދެއެވެ. ފޯނަށް އިރުއިރުކޮޅާ ބަލާލެވެނީ ކީއްވެކަމެއްނޭގެއެވެ. އަނެއްކޮޅުން ހަވީރު ކިޔާން ތައްޔާރު ކުރުމަށްވެސް ޔޫހާ ވަނީ އަފްލީން ގާތުގައި ބުނެފައެވެ. ދެހިޔާލެއްގައި އިނދެވެސް ޔޫހާ ޒައުލް ދީފައިވާ ފޯނުން އޭނައަށް ގުޅާލިއެވެ.

ގާޑަންވިއުއަށް ބޭނުންވާ ސްޓާފުން ހަމަވަންދެން އެކަމުގެ މަސައްކަތް ރަމީޒު އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ޒައުލްވަނީ ޝާއިން އާއި ހަވާލުކޮއްފައެވެ. ކުރިއާއި ހިލާފަށް އޭނައަށް ވަރަށް ބޮޑު މިނިވަންކަމެއްވަނީ ލިބިފައެވެ. ގާޑަންވިއު ރަސްމީގޮތެއްގައި ހުޅުވެންދެން އޭނައަށް ޑިއުޓީ ގަޑިއެއްވަނީ ހަމަނުޖެހިއެވެ. ރޮޒޭން އާއި ކޮންމެ ގަޑިއަކުމެ އޭނައަށް ވާހަކަދައްކާ ލެވޭތީ ހުންނަނީ އުފަލުންނެވެ. އޭނައަށް އެންމެ ފަހުން ރޮޒޭންގެ ފަރާތުން ލިބުނު ޚަބަރަކީ ރޮޒޭން ވަޒީފާއަކަށް ދާން އުޅޭކަމުގެ ޚަބަރެވެ. އާއިލާ އެކަމަށް ގަބޫލު ނުވިއެއްކަމަކު ރޮޒޭންގެ ހިޔާލު ވަރަށް ތަފާތެވެ. އޭނަ ބޭނުންވަނީ ދިރިއުޅުމެއް ފަށާ ހިސާބަށް ދާއިރު އޭނައަކީ އަމިއްލަ މަސައްކަތެއް ކުރާ މީހަކަށް ވުމެވެ. އޭނަގެ ޢާއިލާއިން ވަނީ މީހެއްގެ ކައިރިއަށް މަސައްކަތް ކުރުމަށް ދިއުން މަނާކޮއްފައެވެ. ރޮޒޭން ބޭނުންވާނަމަ އާއިލާގެ ވިޔަފާރިން ރޮޒޭން ކުރަންބޭނުންކަމަކަށް ފައިސާ އިންވެސްކޮއްދީފާނަން ކަމުގައި ދޮށީ ބޭބެ ބުނެފައިވެއެވެ. އެކަމާ އާއިލާގެ ދެންތިބި ކުދިންވެސް އެއްބަސްވެފައިވެއެވެ. އޭނަ ބޭނުންވަނީ ޝާއިންގެ ހިޔާލަކަށެވެ. ޝާއިން އެކަމާ ހިޔާލު ބަދަލުކޮއްލުމަށާއި ރޮޒޭން އާއިއެކު ވަގުތު ހޭދަކޮއްލުމަށް ރަނގަޅު ތަނެއް ހިޔާރުކުރިއެވެ.

އީލާކް ފޯނަށް ބަލަހައްޓައިގެން ޓެރެސްގައި ހުއްޓެވެ. ވިސްނަ ވިސްނާފަވެސް ފޯނުން އޭނަގެ އެންމެ ގާތް ދެރަޙުމަތްތެރިންނަށް ގުޅާލާފައި މާލޭގައި ހުރިވާހަކަ ބުނެލިއެވެ. ޝުދުފާ އާއި ރޮޒޭން އުފަލުން އުއްދުއްސައި ނުގަތީ ކިރިއާއެވެ. އެމީހުން އީލާކް އާއި ބައްދަލުކޮއްލުމަށް ވަގުތުން ބޭނުންވިއެވެ. އީލާކް ލާއިގާގެ ހުއްދައަކާއިއެކު އެދެއެކުވެރިން ގެއަށް އައުމަށް ހުއްދަދޭނަން ކަމުގައި ބުންޏެވެ. މާލެ އަންނަން ކިތަންމެ ފޫހިވެފައި އީލާކްވިއެއްކަމަކު މިވީ ދުވަސްތަކުގެތެރޭގައި މީޑިއާގައި ފެތުރުނު ޚަބަރުގެ އަޑު ހިނދިގެން ދިޔަގޮތެއް އެނގެން އޭނަވެސް ބޭނުންވެފައިވެއެވެ. އީލާކްގެ ކައިރީ ސާފު ސީދާކަމާއެކު ތެދުހާމަ ކުރާނެ ހަމައެކަނި ދެމީހުންނަކީ ޝުދުފާ އާއި ރޮޒޭންއެވެ.

ފަހެއްޖެހިފަހުން ޔޫހާ ވަގުތެއް ހޯދާލައިގެން ގެއަށް ގުޅިއެވެ. ކިޔާން ކޮބާތޯ އަފްލީން އާއި ސުވާލުކުރިއިރު ޒައުލް ވަނީ އޭނަ ގެންގޮސްފައެވެ. ވަރަށް ބޮޑު ހައިރާންކަމެއް ޔޫހާއަށް ލިބިގެންދިޔައެވެ. ޔަގީންނުވިއެއްކަމަކު އޭނަގެ ހިތަށް ތަދުވިކަހަލައެވެ. ޒައުލް އޭނައަށް ގުޅާވެސް ނުލައެވެ. އެކަމަކު އަފްލީން އެބުނީ އޭނަ ކިޔާން ބަލާ އައީކަމުގައެވެ. ޒައުލް ޔޫހާ އާއި ވާހަކަދައްކަން ބޭނުންނުވަނީބާއެވެ. އެކަމަކު އެފަދަކަމެއް އެދެމީހުންގެ މެދުގައި ނުހިނގައެވެ. ވޭތުވެގެންދިޔަ ދެތިންދުވަހުގެ ތެރޭގައި ޒައުލް ޔޫހާއަށް އެތަށް ފަހަރަކުވަނީ ގުޅާފައެވެ. އެއްވެސް ކަމަކާއި ބޭނުމަކާއި ނުލައެވެ. ހަމައެކަނި އޭނަގެ އަޑުއަހާލުމަށް ބޭނުންވެއެވެ. އެތަކެއް ސުވާލެއް އެއްފަހަރާހެން ޔޫހާގެ ސިކުނޑީގައި ޖަމާވެގެންދިޔައެވެ.

ކާރުދުއްވަމުންދިޔައީ ހުދު ޒައުލް އަމިއްލައަށެވެ. އޭނަ ކިޔާން އާއިއެކު ހޭދަކުރާ އެވަގުތުކޮޅުގައި ޖަމާލް ބައިވެރިކުރަން ބޭނުންނުވީއެވެ. ޖެހިގެން އިން ސީޓުގައި ކިޔާން ހެވިފައި އިނދެ އެއިން ކޮންމެ ވަގުތުކޮޅެއްގެ އުފާ ހާސިލްކުރަމުންދިޔައެވެ. ޒައުލްގެ ހިތަށް ކިޔާން ހުއްޓުމެއްނެތި ދައްކަމުންދިޔަ ވާހަކަތަކުން ހިތްހަމަޖެހުން ގެނުވިއެވެ. އޭނައަށް ހަނދާންވަމުންދިޔައީ ޔޫހާ އާއި އޭނަގެ ގުޅުމުގެ ފުރަތަމަ ދުވަސްކޮޅެވެ. އޭނަވެސް އެގޮތަށް ހުއްޓުމެއްނެތި ޒައުލް އާއި ވާހަކަދައްކާނެއެވެ. ޒައުލްގެ ޖަވާބެއް ނުލިބުނު ކަމުގައިވިޔަސްއެވެ. އޭނައަށް ޔޫހާއަށް ގުޅާލާނެހާ ވަގުތެއް ނުލިބުނެވެ. ލާއިގާގެ އެދުމާއިއެކު މުޅި ދުވަހު ޒައުލްއަށްވަނީ އާއިލާ އާއިއެކު ވަގުތު ހޭދަކުރަންޖެހިފައެވެ. އޭނަވެސް ޔޫހާގެ އަޑުއަހާލާ އެރީތި ކުޑަކުޑަ މޫނު ދެކިލަން ބޭނުންވެއެވެ. އެހެންނަމަވެސް ލާއިގާވަނީ ލޫލުއާގެ ކައިވެންޏަށް އޭނަގެ ހުރިހާ ސަމާލުކަމެއް ހުސްކޮއްލާފައިކަން ޒައުލްއަށް އެނގޭތީ މިފަދަ ވަގުތެއްގައި ޔޫހާގެ ނަން ހާމަ ކުރުން ރަނގަޅު ނުވާނެކަން އޭނައަށްވެސް ވިސްނެއެވެ. ކިޔާންގެ އިސްތަށިގަނޑާއި ކުޅެލަމުން ކާރު މަޑުކޮއްލީ އައިސްކްރީމް ވިއްކާތަނެއްގެ ކައިރިއަށްއަށެވެ. ކާރު ޕާކުކޮއްލުމަށްފަހު ޒައުލް އެއްއަތުން ކިޔާން އުފުލާލައިގެން ކާރުން ފޭބިއެވެ. އަދި މަގުގެ ދެފަރާތަށް ބަލާލަމުން ކިޔާން ގޮވައިގެން އައިސްކްރީމް ވިއްކާތަނުގެ ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ރެސްޓޯރެންޓެއް ގޮތަށް ހަދާފައިވާ އެތަނުގެ އެތެރޭގައި ވަރަށް ގިނަ ކުޑަކުދިން އުޅޭތަންފެނެއެވެ. ޒައުލްވެސް ކިޔާން ތިރިކޮއްލަމުން އޭނަގެ އަތުގައި ހިފައިގެންވަނީ އެތެރެއަށެވެ. އަދި ހުސްމޭޒެއް ހޯދާލުމަށްފަހު އެތަނުގައި އިށީނދެއްޖެއެވެ. ކިޔާންއަށް އައިސްކްރީމް ތައްޓެއް ގެނެސްދިނުމަށްފަހު އޭނަގެ ފޯނު ނަގާ ޔޫހާއަށް ގުޅާލިއެވެ.

“މަންމި ގާތު ބުނަންވާނެއެއްނު އައިސްކްރީމް ބޯން އައިވާހަކަ…އަން މިއޮތީ ޑެޑީ ފޯނުން މަންމިއަށް ގުޅާދީފަ، އަވަހަށް ވާހަކަދައްކާ….ހެލޯ ބުނޭ” ޒައުލް އޭނަގެ ގާތުގައި އިން ކިޔާންގެ ކަންފަތުގައި ފޯނު ޖައްސާލަމުން ބުނެލިއެވެ. ކިޔާން ހިނިއައިސްފައި ބޯޖަހާލަމުން ހެލޯ އޭ ބުނެލިއެވެ.

މާޔޫސްކަން ވެރިވެފައި އިން ޔޫހާގެ ހިތަށް ފިނިކަން އިޙްސާސްވުމާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ ޒައުލްގެ ފޯންކޯލެވެ. އަދި އެފޯނުން އަޑުއިވުނު އޭނަގެ ދަރިފުޅުގެ ތުއްތު އަޑުންނެވެ. ޔޫހާ އެކިއެކި  ސުވާލު ކުރިއެވެ. ކިޔާން އިނީ ވަރަށް ހިތްހަމަޖެހިފައިކަން އޭނަދެއްކި ވާހަކަތަކުން ޔޫހާއަށް އެނގުނެވެ.

“ހެލޯ…ކިހިނެއްތަ؟” ކުއްލިއަކަށް ދެން އިވުނީ ޒައުލްގެ އަޑެވެ. ޔޫހާގެ މެޔަށް ބާރުވެގެންދިޔަފަދަ އިޙްސާސްއެއްކުރެވިގެން ދިޔައެވެ. ޔޫހާ އިންތަނުން ތެދުވެ ކުޑަކޮށް އެއްފަރާތްވެލީ ކައިރީގައި އިން ސްޓާފަށް އޭނަ ފޯނުން ދައްކާ ވާހަކަ އަޑުއިވުނަ ނުދިނުމަށެވެ.

“ރަނގަޅު، ޒައުލް ކިހިނެއްތަ؟ ” ޔޫހާ ޒައުލް ކުރި ސުވާލަށް ޖަވާބުދެމުން އެސުވާލު ޒައުލްއަށް އަނބުރާލިއެވެ.

“ވަރަށް ބިޒީކޮށް މިއުޅެނީ، ހޮޓެލަށް ދެވޭނެހެން ހިއެއްނުވޭ، މާމަ މާލެ ދުރުވެއްޖެ، ދޮންތަގެ ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށް އަވަދިނެތި އުޅެނީ، މާމަ އެދިލެއްވީ ހުރިހާ ކުދިންވެސް ކައިވެނީގެ ކަންތައްތައް ނިމެންދެން އާއިލާ އާއިއެކު ހުރިހާ ވަގުތެއް ހޭދަކުރުމަށް، މިރޭވެސް ވަގުތެއް ނުވާނެ…” ޔޫހާ އިތުރު ސުވާލެއް ނުކުރިކަމުގައި ވިޔަސް ޒައުލް ހުރިހާ ކަމެއް ޔޫހާއަށް އަންގާލިއެވެ. އަދި އޭނަ އެހުރީ ޔޫހާ ދެކިލާހިތުންކަން ނުބުނިކަމުގައިވިޔަސް ޔޫހާއަށް އެއަޑުން ނަގައިގަނެވުނެވެ

“ޔޫހާ…އެބަހުރިންތަ، ކީއްވެ އެއްޗެއް ނުބުނީ…ހިތްހަމަ ނުޖެހިފަތަ” ޒައުލް ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ކަމެއްނުވޭ، ކޮންއިރަކުން ކިޔާން ގެއަށް ގެންދާނީ، އޭނަ ވަރަށް ވަރުހުންނާނެ އައިސްކްރީމް ބޯން އެކަމަކު މާގިނައިން ފިނިއެއްޗެހި ނުދެއްޗޭ އޭނައަށް” ޔޫހާއަށް ޒައުލްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭގުމުން އަވަސް އަވަހަށް މަޢުލޫ ބަދަލުކޮއްލިއެވެ. ޒައުލް ހީލާފައި ޔޫހާ އެދުނު ގޮތަށް ކަންތައް ކުރާނެކަމުގައި ބުނަމުން ފޯނު ބާއްވާލާނެކަމުގައި ބުންޏެވެ. ޔޫހާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވުމާއިއެކު އަތުގައި އޮތް ފޯނުން ނިތްކުރީގައި މަޑުމަޑުން ޖަހާލުމާއިއެކު ދެފަރާތަށް ބޯހޫރުވާލިއެވެ. ޒައުލްގެ އަޑުއިވޭ ކޮންމެ ފަހަރަކު އޭނައަށް އެވާ ބުނެދޭންނޭގޭ ގޮތްތަކާއިމެދު ހުދު އޭނަވެސް ހިނިއައީއެވެ. އެއަސަރުތައް ފޮރުވަން މަސައްކަތްކުރިނަމަވެސް އެކަން ފަސޭހަކަމަކަށްނުވެއެވެ.

ގޭތެރެއިން ޒައުލްގެ އެއްވެސް ހިލަމެއްނުވުމުން ލާއިގާ އައިސް ޒައުލްގެ ކޮޓަރީގައި ޓަކިދިނުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއަށްވަނީ އަނދިރިކަމާއި ހިމޭންކަންވެރިވެފައެވެ. އެތަނުގައި މީހެއްގެ އެއްވެސް ހިލަމެއްނެއްކަން އެނގުމުން ލާއިގާ ދެންދިޔައީ އީލާކް ކޮބާތޯ ބެލުމަށެވެ. އޭނައަށް އީލާކް ފެނުނީ ލޫލުއާގެ ކޮޓަރިންނެވެ.

“އީލާކް، ދޮންބެ ގޭގައި ނޫޅެނީތަ؟” ލޫލުއާގެ ކޮޓަރި ދޮރުން ފިޔަވަޅެއް އެތެރެއަށްވަދެ ހުރި ލާއިގާ އަހާލިއެވެ. ލޫލުއާ އާއި އީލާކް އެއްފަހަރާހެން ޒައުލް ވީތަނެއް ނޭގޭކަމުގައި ބުންޏެވެ.

“އެގެއަށް ގަޑިއަށް ދާންވާނެ، ލޫލުއާ ދަރިފުޅު ލާންވާނީ މާމަ ގެނައިތަނުން ހެދުމެއް…އީލާކް ދަރިފުޅުވެސް ވާނެ ގަޑިއަށް ތައްޔާރުވާން” ލާއިގާ ހިނިތުންވެލާފައި ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ. އަދި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޒައުލް ދިޔަތަނަކާއިމެދު އޭނަ ސުވާލު އުފެދިފައިވިއެވެ. ސަމަދުގެ އާއިލާ އާއި ބައްދަލު ކުރުމަށާއި ކައިވެނީގެ ފޯމު ފުރުމުގެ ކަންތައްތައް ނިންމާލުމަށް ލާއިގާވަނީ ރާވާފައެވެ. އެހެންވެ ޒައުލް ގާތުވެސް ގޭން ބޭރަށް ނުގޮސް މަޑުކޮއްލަ ދިނުމަށް ލާއިގާ އެދިފައިވަނިކޮށް އޭނަ ބޭރަށް ދިއުންވީ ލާއިގާއަށް ވަރަށް ބޮޑު ހައިރާންކަމެއް ވެރިކުރުވިކަމަކަށެވެ. ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިނީ ޒައުލް ގެއަށް އަންނަ އިރަކުން އޭނަ އާއި ކުރިމަތި ލުމަށެވެ. މަންސޫރު ދެއްކި ވާހަކަތަށް މަތިން ލާއިގާ ހަނދާންވީ ދެނެވެ. އޭނައަށްވެސް މިހާރު ޔަގީންވެއްޖެއެވެ. ޒައުލްއަށް ބަދަލުތަކެއް އަތުވެއްޖެކަމެވެ. ލާއިގާއަށް އިރުއިރުކޮޅާ ދޮރާ ދިމާލަށް ބަލާލެވެނީ ޒައުލް ކޮންމެ ވަގުތަކުވެސް އަތުވެދާނެއޭ ހީވެއެވެ.

ކިޔާން އުރާލައިގެން ޒައުލް ޔޫހާމެންގެއަށް ވަތްއިރު ފޮތެއް ހިފައިގެން ދިގު ސޯފާ ގޮނޑީގައި އަފްލީން އޮށޯވެލައިގެން އޮތްއިރު އޭނަގެ އަނގައިގައި ގަލަންއޮތެވެ. ގެއަށް މީހަކު ވަތްހެން ހީވެ އަފްލީން ދޮރާ ދިމާލަށް ބަލާލިއިރު ޒައުލް ކިޔާން ޓައިލްސްތަކުގެ މަތީ ބަހައްޓަނީއެވެ.

“އޯ…ހާއި…” އަފްލީން ފުއްމައިގެން ތެދުވަމުންބުނެލިއެވެ. ޒައުލް އަފްލީންއަށް ހިނިތުންވެލަމުން ކިޔާންގެ ކޮލުގައި ބޮސްދީފައި ދަނީކަމުގައި ބުންޏެވެ.

“ޑެޑީ ގުޅާނަންތަ ކޮއްކޮ ނިދާ ގަޑީގަ” ކިޔާން ޒައުލް އެނބުރިލި ވަގުތު އޭނަގެ ފައިގާ ބައްދާލަމުން ބުނެލިއެވެ. ޒައުލް ކުއްލިއަކަށް ހުއްޓެމުން ކިޔާންއަށް ބަލާލާފައި އޭނަގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

“ހޫމް، ޑެޑީ ގުޅާނަން ފަހުން، ދެން ދޫކޮއްލާ ޑެޑީގެ ފައިން، ވަރަށް އަވަހަށް ޑެޑީ ގެއަށްދާންޖެހޭ…ދެން ދޫކޮއްލާ” މިހެން ބުނެ ޒައުލްގެ ފަޔާ ކިޔާން ވަކިކޮއްލަން މަސައްކަތްކުރިއެވެ.

“ކޮއްކޮ މަންމި ކީކޭ ބުނީ، ބަސްއަހާ ކުދިން ތިހެން އުޅޭނެތަ” އަފްލީން ސޯފާގެ ކުރިމަތީ ހުރި މޭޒުގައި އަތުގައި އޮތް ފޮތާއި ގަލަމާ ބާއްވާލަމުން ކިޔާންގެ ކައިރިއަށް ޖެހިލާ ކަމެއް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ. ކިޔާން އެއްފަހަރު އަފްލީންއަށް އަދި އަނެއްފަހަރު ޒައުލްގެ ހިނިތުންވެލައިގެން ހުރި މޫނަށް ބަލާލާފައި ޒައުލްގެ ފައިން ދޫކޮއްލިއެވެ.

“ސޮރީ…ކޮއްކޮ މީ ބަސްއަހާ ކުއްޖެކޭ…” ކިޔާން އަވަސް އަވަހަށް ހަށަމްބަދެލަމުން ބުނެލިއެވެ.

“ބާއި މައި ޕްރިންސް…” ޒައުލް ހީލާފައި މިހެން ބުނެ އެގެއިން ނުކުންނަން ހިނގައިގަތެވެ. އަފްލީން ކިޔާންގެ އަތުގައި ހިފައިގެން އެތެރެއަށްވަދެ ސިޓިން ރޫމު ދޮރުލެއްޕީ އިރުއޮއްސުނީމައެވެ. އަދި އެގެއަކީ މާގިނަ މީހުންތަކެއް އައިސްއުޅޭ ގެއަށްވެސް ނުވާތީ އާއިއެކުއެވެ. ވަރަށް މަދުން ހާލަކުން ފަހަރަކު ނޫނީ އަފްލީން އޭނަގެ ރަޙުމަތްތެރިންވެސް ގެއަށް ނުގެންނާނެއެވެ. ކިޔާން ގެއަށް ގެނެސްފިކަން އަފްލީން ޔޫހާގެ ފޯނަށް މެސެޖުކޮއްލިއެވެ.

ގޭޓުން ވަދެގެން އައި ޒައުލްއަށް މައިގެއަށް ދާމަގުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖަމާލް ފެނުނެވެ. ކޮންމެވެސް ކަމަކާ ޖަމާލް ކަންބޮޑުވެފައި ނޫނީ ޒައުލްގެ ގާތުގައި ވާހަކައެއް ބުނަން އުޅޭހެން އޭނައަށް ހީވެ ޖަމާލްއަށް ނިތްއަރުވާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ކުޑަ ސާހަބް، ލާއިގާ މެޑަމް….ލާއިގާ މެޑަމް ވަރަށް ނުރުހިފައި ސިޓިން ރޫމުގައި އެބަ އިންނެވި، ކުޑަ ސާހަބް ކޮބާތޯ އަޅުގަނޑާއި ދެފަހަރު ސުވާލުވެސް ކުރައްވައިފި، ކުޑަ ސާހަބް…” ޖަމާލް ސިއްރު ސިއްރުން ވާހަކަދެއްކިއެވެ. ޒައުލްގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔައެވެ. ލާއިގާ ގާތު ބުނާނެ އެއްޗަކާއިމެދު ވިސްނާލެވުނެވެ. އަނެއްކާވެސް އަނެއްދޮގު ހަދަންވީބާއޭ ހިތަށް އެރިއެވެ. ކައިރިކައިރީގައި ލަސްފިޔަވަޅުތަކެއް އަޅަމުން އިސްޖަހާލައިގެން ޖިންސުގެ ޖީބުގެ ތެރޭ ދެއަތްތިލަ ފޮރުވާލައިގެން ހުރެ މައިދޮރުން އެތެރެއަށް ޒައުލްވަނެވެ.

“ޒައުލް…” ލާއިގާގެ އަޑު ސިޓިން ރޫމަށް އަޅާލި ފުރަތަމަ ފިޔަވަޅުންވެސް އިވިގެންދިޔައެވެ. ހަރުކަށިކަމާއި ސުވާލުން ފުރިގެންވި ރާގެއްގައެވެ.  އިސްޖަހާލައިގެން ޒައުލް ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައި ހުރީ މާމަ ކުރާނެ ސުވާލު އެނގޭއިރުވެސް އެސުވާލަށް ޖަވާބު ދޭނެގޮތެއް ނޭގިގެންނެވެ.

“ކޮންތާކުން ތިއައީ؟ މާމައަށް ހީވަނީ ޒައުލްއަށް މާމަ މިއަދު ބުނިއެއްޗެއް ސާފުނުވާހެން، އެހެންވީމަ ދެވަނަ ފަހަރަށްވެސް މިބުނަނީ…ލޫލުއާގެ ކައިވެނީގެ ކަންތައްތައް ނިމެންދެން އޮފީހުގެ ކަންތައްތައް މަޑުޖައްސާލާފަ އެހަށް ގޭގައި މަޑުކުރޭ، މާމަ ބުނިންދޯ ކަމެއް ބޭނުންވެގެން މާމަ ގޮވާލާއިރު އަޑުއިވޭހާ ކައިރީގައި ހުންނައްޗޭ، އަނެއްކޮޅުން މިރޭ ހާޒިމްގެ އާއިލާ އާއި ބައްދަލު ކުރަން ދާން މިއުޅެނީ، އެގެއަށް ގެންދަން ހަމަޖެހިފައިވާ ހަދިޔާތައް ތައްޔާރުވެއްޖެތަ…” ލާއިގާ ސޯފާއިން ތެދުވެގެން އައިސް ޒައުލްގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ޒައުލް މަޑުމަޑުން ހުރެ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ހޫމް…ދެން ދޭ ތައްޔާރުވާން، އަށެއްޖަހަންވާއިރަށް އެގެއަށް ދާންވާނެ…” ލާއިގާ މެޔާއިދިމާލުން ދެއަތްހުރަސްކޮއްލަމުން އަދިވެސް ނުރުހިފައި ހުރިގޮތަކަށް ބުނެލިއެވެ. އޭނަ އެތަށް ސުވާލެއް ޒައުލްއަށް ކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ވަގުތާ ހާލަތުގެ ގޮތުން އެއްފަހަރާ އެފަދަ ސުވާލުތަކެއްކުރަން ލާއިގާ ބޭނުންނުވީއެވެ. އޭނަ ބޭނުންވަނީ ހަމަޖެހިލައިގެން ހުރެ މީގެ ކުރިންވެސް ޒައުލް އާއި ވާހަކަދައްކާ ކަންތައްތައް އޮޅުންފިލުވާ އުސޫލުން ހުރިހާ ކަމެއް ހޯދުމަށެވެ.

ހާޒިމްގެ އާއިލާވެސް ވަނީ ބޮޑު ތައްޔާރީތަކެއްވެފައެވެ. ލޫލުއާގެ އާއިލާ އެގެއަށް އަންނަންވާއިރަށް އާއިލާގެ ހުރިހާ ކުދިންނެއްހެންވަނީ ގޭގެ ސިޓިން ރޫމަށް ޖަމާވެފައެވެ. ފެންނަފެނުމަށް މިރޭ ކުރިއަށްދަނީ ހަމައެކަނި ކައިވެނިކުރާ ދެބައިވެރިންގެ ކައިވެނި ފޯމް ފުރުމުގެ ކަންތައްތައްކަމެއް ނޭގޭނެއެވެ. އެހެނީ ތައްޔާރީތަށް އެހާވެސް ފުރިހަމައީއެވެ. ސަމަދުގެ ގެއަކީ ބޮޑު ގޯއްޗެކެވެ. އެހެނީ މައިބަފައިންނަށް ލިބިފައިވާ ގޯތީގެ އިތުރުން އިންވެގެން ކަންމައްޗަށް އޮތް ގޯތިވެސް ސަމަދު އާއި އޭނަގެ ބޭބެ އާއި ދެމީހުންވަނީ ގަނެ ދެބިން އެއްކޮއްލާފައެވެ. ވީމަ ޖާގައިގެ ގޮތުން އެއީ ތަނަވަސް ފެންވަރުގެ ބޮޑު ގެއެކެވެ. ދެބެންގެ އާއިލާ އުޅެމުން އަންނަނީ އެކުގައި ހަމަޖެހޭ ދިރިއުޅުމެކެވެ.

“ނުސައިބް، ކޮބާތަ ކޮއްކޮ ނާއިފް، ހުރިހާ ކުދިން ފެންނަ އިރުވެސް އެކުއްޖާއެއް އަދި ލޮލަށް ފެންނަވަރެއްނުވޭ” ސަމަދު އޭނަގެ ބޭބެގެ ދަރިފުޅަށް ބުނެލިއެވެ.

“ބޮޑުބޭބޭ، ނައުފްގެ ވާހަކަ ނުދައްކާ، ޒިމްބެއަށް ކޮޓަރިން ނުނިކުމެވިގެން އެއުޅެނީ އެކުއްޖާޔާ ހެދި، އަދި ނުވިތާކަށް ރަނާ ކޮއްކޮވެސް އެބަހުރި އެތަނުގައި….މާމޮޅަށް ޒިމްބެގެ ހެއަރ ސްޓައިލް ހަދާދެނިއްޔޯ، އަޅުގަނޑު އަންނާނަން އަނެއްކާވެސް ބުނެފަ، މެހެމާނުން ދުރުވާގަޑި ގާތްވެސްވެއްޖެތާ ދޯ ބޮޑުބޭބޭ…އަންނާނަން އެހެންވީމަ” ނުސައިބް ހިނިއައިސްފައި ހުރެ ސޯފާގައި އިށީނދެލައިގެން އިން ސަމަދުއަށް ހާޒިމް އާއި އޭނަގެ ކޮއްކޮ ނާއިފްގެ ވާހަކަ އޮޅުންފިލުވާދިނެވެ. އޭނަ ހާޒިމްގެ ކޮޓަރިއަށް ހިނގައިގަތްއިރު ސަމަދުގެ ލުއި ހުނުމުގެ އަޑުއިވެމުންދިޔައެވެ. ގޭގެ އެންމެ ހަގުދެކުދިންނަކީ އެއީއެވެ. ވިހި އަހަރުގެ ނާއިފް އާއި އަށާރަ އަހަރުގެ ރަނާއެވެ. ދެކުދިންވެސް އަހަރުގެ ފަހުކޮޅުގެ ޗުއްޓީއަށް ކިޔެވުން ނިންމާލުމަށްފަހު އެވަނީ މާލެ އައިސްފައެވެ.

“ކޮބާ ނިމޭކަށް ނޫޅޭތަ؟” ނުސައިބް ހާޒިމްގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ބުނެލިއެވެ.

“ސީ ހައު ހެންޑްސަމް ހީ އިސް” ރަނާ އުފަލުން އަތްތިލަބަޑި ޖަހާލަމުން ނުސައިބުއަށް ހާޒިމް ދައްކާލިއެވެ.

“ސާބަސް ތިދެމީހުންނަށް، ޒިމްބެ މިރޭ އެއުޅެނީ މެރީ ކުރާކަށްނޫނޭ…އެންޑް ޔޫ ޒިމްބެ، ތިހާ ވަރަށް އެމީހުންގެ ބަހަށް ހެއްލިގެން ތިހެދެނީ، ޔަގީން ޒިމްބެދައްތައަށް ނުކެރޭނެކަން މިރޭ ޒިމްބެ އާއި ދިމާލަށް ބަލާލަންވެސް، މާމަ އާއި ބައްޕަ އާއި ބޮޑުބޭބެ އާއި ހުރިހާ އެންމެން ތިބޭނެ…” ނުސައިބު އެއްއަތް ޖީބަށް ޖަހާލަމުން އޭނަގެ ސްމާޓްކަންމަތީ ބުނެލިއެވެ. ހާޒިމް ހީލާފައި އަދިވެސް އެއްފަހަރު ލޯގަނޑުން ބަލާލިއެވެ. އަދި ނުސައިބު އެބުނި އެއްޗަކާއިމެދު އޭނައަށްވެސް ވިސްނާލެވުނެވެ. ހަގީގަތުގަ އޭނަވެސް އެވަނީ ފިނިވެފައެވެ. ދެއާއިލާ ބައްދަލުވުމާއި ކައިވެނީގެ ވާހަކަތައް ދެކެވޭ ވަގުތުތަކުގައި އޭނަވެސް ލަދުގަނެ ފިނިވާގޮތްވެއެވެ. ވީއިރު ލޫލުއާއަށް ވާނީ ކިހިނެއްހޭ އޭނަގެ އަމިއްލަ ޒަމީރު ސުވާލުކުރިއެވެ.

“ކޮބާ ނުކުންނަންވީނު ދެން، މިހާރު މެހެމާނުން އެބަދުރުވޭ، ބޮޑުބޭބެ އައްސަވައިފި ނައުފް ކޮބާތޯވެސް، އަދި ޒިމްބެ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ބޭރު ސޯފާގައި އެބައިންނެވި” ނުސައިބް އިޙްތިރާމާއިއެކު ވާހަކަދެއްކިއެވެ.

“ހިނގާ ދަމާ” ފުންނޭވާއެއްލި ހާޒިމް ލޯގަނޑާއި ނަޒަރުވަކި ކޮއްލަމުން ނުސައިބު އާއި ދެންތިބި ކުދިންނަށް ބުނެލިއެވެ.

ގޭގެ އަންހެންވެރިން ސުފުރާމަތިވަނީ ފަޅުފިލުވާލާފައެވެ. އެންމެން އިންތިޒާރު ކުރަމުންދިޔައީ މަންސޫރުގެ އާއިލާ އެގެއަށް އަންނާނެ އިރަކަށެވެ. ގޭގެ ބޮޑު ދޮރުގެ ކައިރީ ރަނާ އާއި ގޭގައި ގެންގުޅޭ ކުއްޖެއް މަޑުކޮއްލައިގެން ތިއްބެވެ. ގިނައިރެއްނުވެ އެދެމީހުން ދުވަމުން ގޭތެރެއަށްވަދެއްޖެއެވެ.

“ދޭ އާރ ހިއަރ…ޒިމްބެ ދައްތައަތުވެއްޖެ” ރަނާ އުފަލުން ރޮއެގަތެވެ. ޒިމްބެދައްތައަކީ ގޭގެ ހާޒިމްގެ ވާންއުޅޭ އަނބިމީހާއަށް އޭނަގެ ހަގަށް އެގޭގައި އުޅޭ ކުދިން ކީނަމެވެ. އެހެނީ އެކުދިން ފެށުނީއްސުރެންވެސް ހާޒިމްއަށް މުހާތަބުކުރަމުން ދިޔައީ ޒިމްބެގެ ނަމުގައި ކަމަށްވާތީ އެނަމާއި އޭނަގެ ވާންއުޅޭ އަނބިމީހާ އާއި ގުޅުވާލީއެވެ. ހާޒިމްއަށް ހާސްކަމާއިއެކު އޭނަގެ ސްޓައިލްކޮއް ހަދާލެވިފައިވާ މަތިމަހާ ތުނބުޅީގައި އަތްހާކާލެވުނެވެ. އަދި މަންސޫރުގެ އާއިލާ ގެއަށް ވަނުމުގެ ކުރިން ކައިރީގައި ހުރި ސޯފާގައި އިށީނދެގެން އިން އޭނަގެ ބައްޕަ ސަމަދު ތެދުވުމަށް އެހީތެރިވެދިނެވެ.

“އައްސަލާމް އަލައިކުމް” ލާއިގާގެ އަޑުއިވިގެންދިޔައެވެ. އޭނަގެ މޫނުމަތީގައިވަނީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ. އެދެލޯވެސް މިރޭ ހިނިތުންވެލާފައިވާކަހަލައެވެ. އޭނަގެ ކަނާތްފަރާތުގައި މަންސޫރު ހުއްޓެވެ. އެމީހުންގެ ފަހަތުން ލޫލުއާއި އީލާކް އާއި ޒައުލް ވަނެވެ. ހާޒިމްގެ އާއިލާގެ ޒުވާން އަންހެން ކުދިންގެ ލޮލުގައި ޒުވާންކަމުން ފުރިގެންވި ޒައުލް އަޅައިގަތެވެ. ވަރުގަދަ ޝަހުސިއްޔަތާއި އޭނަގެ އެހެރަ ޖާދުވީ ހަރަކާތްތަކާއި ކަންތައްތައް ކުރުމުގެ ވައްޓަފާޅިއެވެ. ލޫލުއާ ލަދުވެތިކަމުން ފުރިގެންވި ހިނިތުންވުމެއް ދެމުންދިޔައިރު އީލާކްވަނީ ދަތްތައް ފެންނަވަރަށް ހެވިފައެވެ. އެއާއި ހިލާފަށް ޒައުލް މާބޮޑަށް ހިނިތުންވާތަނެއް ނުފެނެއެވެ. އެހެންނަމަވެސް ހިނިތުންވެއެވެ. އެދެލޮލުން އުފާވެރިކަމެއްވެސް އަދި އުދާސްކަމެއްވެސް ނުފެނެއެވެ. ހުރިހާ ކަމެއް މެދުމިންގަޑެއްގައި ބެހެއްޓުމަށް އޭނަ ބޭނުންވަނީކަންނޭގެއެވެ. ސަމަދުގެ އާއިލާ މަންސޫރުގެ އާއިލާއަށް ހޫނު މަރުހަބާއެއް ކިޔެވެ.

ދެއާއިލާގެ މެދުގައި ސަލާންގަލާން ބަދަލުކުރެވި އެގޭގެ ބޮޑު ސިޓިން ރޫމުގައި ހުރި މަހުމާ ސޯފާތަކުގައި އެންމެން އިށީނދެ ހަމަޖެހިއްޖެއެވެ. އިސްވެ ވާހަކަދައްކާތަން ފެންނަނީ ލާއިގާ އާއި ސަމަދުއެވެ. ދެން ބައެއްފަހަރު ސަމަދުގެ ސުވާލުތަކުގައި ބައިވެރިވާ އޭނަގެ ބޭބެ ހިލްމީއެވެ. ކައިވެނި ކުރިއަށްގެންދަން ބޭނުންވާގޮތް ލާއިގާ ސަމަދު އާއި އޭނަގެ އާއިލާއަށް ވަރަށް ތަފްޞީލުކޮށް ކިޔާދިނެވެ. އަދި ކައިވެނީގެ ފޯމު ފުރުމުގެ ކަންތައްތައް ހަވާލު ކުރެވިފައިވާ ފަރާތަށް އެމަސައްކަތް ފެށުމަށް ސަމަދު އިޝާރާތްކުރިއެވެ. އެއާއިއެކު އެތަނުގައި ތިބި ހުރިހާ މެންބަރުންނެއްހެން ތެދުވިއެވެ. އަދި ލިޔެކިޔުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނޭފަދަ ގޮތަކަށް ތައްޔާރުކޮއްފައި ހުރި މޭޒުގެ ދޮށުގައި ފޯމް ފުރާ މީހާ އާއި އޭނަގެ އެހީތެރިޔާ އާއި އޭގެ އިތުރުން ލޫލުއާއި ހާޒިމްވެސް އިށީނެވެ. ދެއާއިލާގެ އިސްބައެއްގެ ގޮތުގައި އެމޭޒުގެ ކައިރީ އިށީނީ ކައިވެނި ކުރާ ދެމެންބަރުންގެ ބައްޕައިންނެވެ. އަދި ހާޒިމްގެ ބޮޑުބޭބެއެވެ. ލާއިގާ އާއި އެހެން އަންހެން ވެރިންނާ ގޭގެ ޅަކުދިން ކަންވާގޮތެއް ބަލަން އެމޭޒަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. އޭރު ފޮޓޯ ނަގާ ދެމީހަކު ކައިވެނި ފޯމް ފުރާ މޭޒުގެ ދޮށުގައި ހިނގަމުންދާކަންތައްތައް ފޮޓޯތަކުގައި ހައްޔަރުކުރަމުންދިޔައެވެ. ނުފިލާނޭ ފަދަ ގޮތަކަށް އެއުފާވެރި ވަގުތުތައް ހަނދާންތަކަކަށް ހެދުމަށްޓަކައެވެ.

ފޯމުގައި ފުރިހަމަ ކުރުމަށް ބޭނުންވާ މަޢުލޫމާތު އަހަމުންދިޔައިރު ލޫލުއާގެ ދެއަތްތިލަވަނީ ފިނިވެފައެވެ. މޭގައި ފިލާއޮތް ހިތް ތެޅެމުންދިޔައީ ކިތަންމެވެ އަވަސްކޮއްނަމަވެސް އޭގެ އަސްލު އެނގޭމީހަކު ހުދު އޭނަ ނޫނީ ނެތެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދާ ހިނިތުންވުން ކޮޅުނެއްހާ އުފާވެރިކަން އެމީހުންނަށް ލިބިފައިވާކަން ކަށަވަރުކޮއްދެއެވެ. މިއަދު ހުދު އޭނަވެސް އެހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ހިތްބާރަށް ތެޅެމުންދަނީ ކީއްވެކަމެއް ބުނެދޭކަށް ފަސޭހައެއްނުވިއެވެ. އުނގުގައި ބާއްވާލާފައި އޮތްދެއަތްތިލަ މޮޑެމުންދިޔައީ ލިބިފައިވާ ހިތްއަވަސްކަން މައިތިރިކުރަން ބޭނުންވެގެންނެވެ. އެކަމަކުގެ ސަބަބުން ދޫއޮޅޭގޮތްވެ އެހެންމީހުންގެ ކުރިމަތީ ލަދުގަންނަގޮތްވެދާނެތީވެސް އޭނަ އިނީ ކަންބޮޑުވެފައެވެ. މީ ކައިވެންޏަށް ތައްޔާރުވާ ކޮންމެ މީހެއްގެވެސް އާދަބާއޭ ލޫލުއާގެ ޒަމީރާ ސުވާލުކުރަމުން ދިޔައެވެ. ނަސީބަކުން މާގިނައިރެއްނުވެ ފޯމު ފުރުމުގެ ކަންތައްތައް ނިމި ލާއިގާގެ ނިވަލަށް ވަނުމުގެ ފުރުޞަތު ލޫލުއާއަށް ލިބިގެންދިޔައެވެ.

ޑިއުޓީ ނިންމާފައި އައިސް ގެއަށްވަތް ޔޫހާ އޭނަ އަރައިގެން ހުރި ފައިވަން ނަގާ ފައިވާން ހަރުގަނޑުގައި ބެހެއްޓުމަށްފަހު ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ރޭގަނޑެއް ކަމަކު އޭނަ ގެއަށް އައި އިރު ހުރީ ވަރަށް ކަރުހިއްކައިގަނެފައެވެ. އަދި ބަނޑުހައިވެގެން ކުކުރާފަދަ ގޮތަކަށް ބަނޑުން އަޑުއަޑު ލައްވަމުންދެއެވެ. މެންދުރު ކޭގޮތަށް އެއްޗެއް ކާހިތްނެތިފައި ޔޫހާ ހުރުމުގެ ނަތީޖާ ފެންނަންފެށީއެވެ. ކިޔާން އޮންނާނީ ނިދާފައިކަން ޔަގީންވާތީ އާއިއެކު ޔޫހާ އޭނަގެ ކޮޓަރިއަށް އެހާ އަވަހަށް ވަނުމުގެ ޝައުގުވެރިކަމެއްނެތެވެ. އޭނަގެ ހަރަކާތް އަވަސްކޮއްލާފައިވަނީ ހޫނުފެންކެއްކުމަށެވެ. ހިތުގައި ކޮފީތައްޓެއް ބޯލުމުގެ އެދުންވާތީއެވެ.

ހުނުމުގެ އަޑާއި ތަފާތު ހިޔާލުތަކުގެ މަޝްވަރާތައް ކުރެވެމުންދިޔަ އަޑު ސުފުރާމަތީ އެއްއަޑަކަށްވެފައިވެއެވެ. ޒައުލްގެ ހިމޭންކަން ލާއިގާއަށް ފާހަގަ ކުރެވެން މާގިނައިރެއް ނުނެގިއެވެ. ލާއިގާ އެއްފަހަރު ސިއްރުން ކިހިނެއްވެފަތޯ ސުވާލުކުރިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް އޭނައަކަށް ނުލިބުނެވެ. ލާއިގާ މެންނަށް ހާޒިމްގެ އާއިލާ އާއި ވެކިވެގެން ގެއަށް އާދެވުނީ ބާރަވެސް ޖަހާ ބޮޑުވިފަހުންނެވެ. ލޫލުއާ އާއި އިލާކް އެމީހުންގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތް ހިނދު ޒައުލްވެސް އޭނަގެ ކޮޓަރިއަށް ދިއުމުގެ ހުއްދައަކަށް ލާއިގާގެ ގާތުން އެދުނެވެ. ލާއިގާ ހިނިތުންވުމަކާއިއެކު ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އެހެނީ އޭނައަށްވެސް ވަނީ ވަރުބަލިކަމެއް އިޙްސާސް ކުރެވިފައެވެ. އޭގެ އިތުރުން ބޭނުންވިގޮތަށް ހުރިހާ ކަމެއް ވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއްވަނީ ލިބިފައެވެ.

ކޮޓަރިއަށް ވަތް ލޫލުއާ އަވަސްވެގަތީ ނިދަން އޮށޯތުމުގެ ކުރިން ތާޒާވެލާށެވެ. ނަމަވެސް ފާހާނާގައި ހަމަޖެހިލައިގެން ހުރެ ގައިދޮވެލާނެ ފުރުޞަތެއް ނުދިނީ އޭނަ ގެންގުޅޭ މޯބައިލް ފޯނެވެ. އެނދުގެ ފައިލޯކޮޅުގައި ހުރި ދިގު ގޮނޑީގެ މަތީ ބާއްވާލެވިފައި އޮތް ކްލަޗްގެ ތެރެއިން ފޯނުގެ ރިންގުގެ އަޑު ފާހާނާގައި ހުރި ލޫލުއާއަށް އިވުނީ ކިތަންމެ ފަނޑުކޮއްނަމަވެސް އެއަޑަށް އޭނަގެ ކަންފަތް ސަމާލުވިއެވެ. އަދި އަވަސް އަވަސް ކޮއްލައިގެން ފާހާނާއިން ނުކުތީ އެކޯލުގެ އިންތިޒާރުގައި ހުރި މީހަކު ފަދައިންނެވެ. ފޯނާ ހަމައަށް ނުދެވެނިސް ފޯނުގެ ރިންގު ކެނޑިއްޖެއެވެ. ތުވާލިކޮޅު އޮޅާލައިގެން ހުރި ލޫލުއާ ކްލަޗްގެ ތެރެއިން ފޯނު ނެގުމަށްފަހު ބަލާލީ ހާޒިމްކަން ގުޅީ ޔަގީންވާފަދަ ނަޒަރަކުންނެވެ. އަވަސް އަވަހަށް ސްޕީީޑް ޑަޔަލްއަށް ލެވިފައިވާ ހާޒިމްގެ ނަންބަރަށް އޮބާލިއެވެ.

ރީތިވާ މޭޒުގައި ދެއަތްވިއްދާލައިގެން އިސްޖެހިފައިހުރި ޒައުލް އިސްއުފުލާލަމުން ލޯގަނޑަށް ބަލާލިއެވެ. އެމޫނުމަތިން ހީވަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައިވާހެނެވެ. ވެދާނެއެވެ. ޔޫހާ އާއި އޭނަގެ އާއިލާ އާއި ބައްދަލުކުރުން އޭނަ ހީކުރިހާ ފަސޭހަކަމަކަށް ނުވީމަކަންނޭގެއެވެ. ނޫނީ މީގެ ކުރިން ދުވަހަކުވެސް ގާތްމީހުންނަށް ދޮގު ހަދާ އޮޅުވާނުލިޔަސް މިހާރު އެކަންވެސް ކުރެވެންފެށީމަ ކަންނޭގެއެވެ. ފުންނޭވާއެއް ބޭރުކޮއްލުމަށްފަހު އަތުކުރީގައި އޮތް ގަޑި ނައްޓާލުމަށްފަހު ރީތިވާ މޭޒުގެ މަތީ ބާއްވާލިއެވެ. އަދި ލައިގެން ހުރި ގަމީހުގެ މަތިންފެށިގެން ދެތިން ގޮއްނައްޓާލުމާއިއެކު ޖީބަށް ކޮއްޕާލި އެއްއަތުން އޭނަގެ ފޯނު ނަގާ އޭގެ ސްކީރީން ދިއްލާލިއެވެ. ދެމިސްކޯލު އިންކަން އޭނައަށް އެނގުނީ އަދިކިރިޔާއެވެ. ފޯނު ސައިލެންޓަށް ލާފައި އޮތުމުން ކުރިން ނޭގުނީއެވެ. އޭނައަށް ގުޅާފައި އޮތީ ކާކުތޯ ބަލާލީ ހިތުން ޔޫހާއަށް ވާނެނަމޭ ބުނަމުންނެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. ގުޅާފައި އޮތީ ޝާއިންނެވެ. އޭގެ ފަހުން މިހާރު ހަތަރުވަރަކަށް ގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. އެހެންވެ ޒައުލް ނިންމީ ހެނދުނުން ޝާއިންއަށް ގުޅާލާނީ ކަމުގައެވެ.

ފާހާނާއަށްވަދެ ތާޒާވެލައިގެން ނުކުތް ޒައުލް ބޮލުގެ އިސްތަށިގަނޑު ހިއްކާލުމާއިއެކު އަތުންވެސް ފޮޅާލިއެވެ. އަދި ނިދަން ތައްޔާރުވެލައިފަވެސް ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއެވެ. މީހެއްގެ ހިލަމެއްނުވުމުން އޭނަ ހިނގައިގަތީ ޓެރެސްއަށް އަރަން ހުރި ސިޑިއާއި ދިމާލަށެވެ.

ރެއިލިންގައި ހިފަހައްޓާލުމާއިއެކު އުޑަމައްޗަށް ޒައުލް ބަލާލިއެވެ. ހަނދުވަރުގެ އަލިކަމެއްނެއްތަނުގައި ތަރިތަކުގެ ވިދުންވެސް ފަނޑުކަމަށް ދައްކައެވެ. އެގޮތަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އޭނަގެ ފޯނު ނަގާ ޔޫހާއަށް ގުޅާލީ އެއްވެސް ވިސްނުމަކާއިނުލައެވެ.

“ހެލޯ…” ގަދަ ލޮއެވިރުވާލާފަދަ ޖާޒުބީ އަޑަކުން ޔޫހާ ބުނެލިއަޑު ޒައުލްއަށް އިވުނެވެ. ކުޑަނަމަވެސް ހިނިތުންވުމަކާއިއެކު ޒައުލްއަށް ދެލޯ މަރާލެވުނީ ހިތަށް ފިނިކަން ލިބިގެން ދިއުމުންނެވެ.

“ނިދަނީތަ” ޒައުލް އަހާލިއެވެ.

“ނޫން…” ޔޫހާ މަޑުމައިތިރި ރާއްގެއްގައި ބުނެލިއެވެ.

“ކިޔާން ނިދީތަ؟” ޒައުލްއަށް މިހާއިރު ކިޔާން އޮންނާނީ ނިދާފަކަން ޔަގީންވާއިރުވެސް އަހާލިއެވެ. ހަގީގަތުގައި އޭނަ ބޭނުންވަނީ ޔޫހާ ގެނެސް އެއަތުގެތެރެއަށް ލާ ބާރުކޮއްލުމަށެވެ. އަދި އޭނަ އާއި ޔޫހާ ކުޑަ ހިނދުކޮޅަކަށްވެސް ދުރަށް ނުދިއުމެވެ. ލޯބިވާވަރު އެދުލުން އެހުރިހާ ވަގުތަކު ހާމަކުރުމަށް ޒައުލްގެ ހިތް ބޭނުންވެއެވެ. ނަމަވެސް އެއިން އެއްވެސް ލަފްޒެއް ދުލުން ހާމަކުރުމަކީ ފަސޭހަކަމަށް އޭނައަކަށް ނުވެއެވެ. ހުދު ޔޫހާގެ ހާލަކީވެސް އެއީއެވެ. ޔޫހާވެސް އަދިވެސް ޒައުލްނޫން މީހަކަށް އިންތިޒާރެއް ނުކުރެއެވެ. ޒައުލްގެ އަންބަކަށް ވާނެ ދުވަހުގެ އިންތިޒާރެވެ. މިހާރު އެހިތްރޯނަމަ ރޮނީ އުފަލުންގޮހެވެ. ގެއްލިގެންދިޔަ ލޯބި އަނބުރާ ލިބުމުގެ އުފަލުގައެވެ. މިދުނިޔޭގައި އެމީހެއްގެ އަންބަކަށް ވާން ބޭނުންވި އިންސާނާގެ ބައިވެރިޔާއަށް ވުމުގެ ހުވަފެން ހަގީގަތަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރުންނެވެ.

“ނިދާފަ އޮތީ” ޔޫހާ ބުނެލިއެވެ.

“ކީއްކުރަނީ” ޒައުލް އަހާލިއެވެ.

“ކޮފީއެއް ބޮނީ” ޔޫހާ ޖަވާބުދެމުންދިޔައީ ޒައުލް ކުރާ ސުވާލުތަކަށެވެ.

“ކޮންތާކު، އަދިވެސް ޑިއުޓީ ނިންނާމަ ގެއަށް ނާންނަންތަ؟” ޒައުލްގެ އަޑު ބަދަލުވެގެންދިޔަވެ.

“ނޫން ނޫން، ބޭރުގައެއްނޫން، ގޭގަ މިހުރީ” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރެން ވާހަކައެއް ބުނަންތަ” ޒައުލް އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުނެލިއެވެ.

“ހޫމް” ޔޫހާ ހޫން ލައްވާލުމާއިއެކު ޒައުލް ވާހަކަދައްކަން ފެށިއެވެ.

“ކުރިން އަހަރެން ބޭނުމެއްނޫން ޔޫހާގެ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް….އެކަމަކު، އަހަރެން ކަމަކަށް އެދެފިއްޔާ އެކަން ކޮއްދޭނަންތަ؟” ޒައުލް ވަރަށް ވިސްނާފައި ވާހަކަދެއްކީ ލަސްލަހުންނެވެ.

“ކީއްވެ މިހާރު ކަމަކަށް ތިއެދެނީ، ޒައުލްގެ ހިޔާލު ބަދަލުވީ ދޯ…” ޔޫހާގެ އަޑަށްވެސް ތަފާތުކަމެއް އަތުވެއްޖެކަން ޒައުލްއަށް ނަގައިގެނެވުނެވެ.

“އަހަރެން އަދިވެސް ޔޫހާ އާއި ގުޅެން ބޭނުންވޭ، އެކަމަކު…ޔޫހާއަށް އެނގޭނެ އަހަންނަކީ ކާކުކަން އަދި އަހަރެންގެ އާއިލާއަކީ ކިހާވަރެއްގެ ކޮންބައެއްކަން، ޔަގީނުންވެސް އަހަރެންގެ ބައްޕަގެ ނަން އެތަށް ފަހަރަކު ޔޫހާއަށް އަޑުއިވިފަ އޮންނާނީ….” ޒައުލްގެ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.

“އަހަންނަކީ ރާއްޖެތެރެއަށް އުފަން ނިކަމެތި އަންހެން ކުއްޖެއް، އަހަރެންގެ ބައްޕަނެއް ދަރިއަކު ހުރޭ…ދިރިއުޅެނީ އެއްވެސް ގުޅުމެއްނެއް ހިލޭ ފިރިހެނަކާއިއެކު އޭނަގެ އާއިލާއަކީ އަހަރެންގެ އާއިލާ ކަމުގައި ދެކިގެން….ޒައުލް އަހަންނާ ގުޅެން ބޭނުންވާއިރު މިކަންތައްތައްވެސް އެނގޭނެ ކަންނޭގެ، އަހަރެން ދުވަހަކުވެސް ޒައުލްއަށް ކަމެއް އޮޅުވައެއްނުލަން، ކުރިންވެސް އެނގުނު ޒައުލް ބޭނުންވިޔަސް އަހަންނާ ގުޅުމަކީ ވާނެކަމެއްނޫންކަން….ދަރަޖައިގެ ތަފާތުކަން…” ޔޫހާގެ މޮޅިވެރިއަޑާއިއެކު ލީ ފުންނޭވާ ޒައުލްގެ ހިތަށް އުނދަގޫކުރުވިއެވެ. ކައިރީގައި ޔޫހާ އިންނަމަ އެރީތި މޫނުގައި އެވަގުތު ޒައުލް ބޮސްދޭނެކަން ގައިމެވެ.

“ތީ އަހަރެން ގަބޫލުކުރާ ވާހަކައެއްނޫން، އެކަމަކު އެހެންމީހުންނަށް އެކަމެއް ނުވިސްނޭނެ…އަހަރެން ނުބުނަމެއްނު އެއްފަހަރުވެސް ޔޫހާ އާއި ގުޅެން ބޭނުންނުވެގެނޭ މިއުޅެނީ، އަހަރެން ބޭނުންވާގޮތެއްނޫން އެއީ ޔޫހާ މީހުންގެ ލޮލުގައި އަޅައިގަތުން، އަހަރުމެން ދެމީހުންގެ ގުޅުމުގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ޔޫހާއަށް ހުއްޓޭކަށް އަހަރެން ބޭނުމެއްނޫން، އޭރުން ތަފާތު ވާހަކަތައް ދެކެވެން ފަށާނެ، އިވޭކޮންމެ ވާހަކައަކީ ތެދަކަށްނުވިޔަސް އަޑުއަހަން އެހާ ފަސޭހައެއްނުވާނެ، އަހަރެން ބޭނުމެއްނޫން އެފަދަ އަޑުތަކާއިހެދި ޔޫހާ ދެރަވެގެން އުޅޭކަށް…އަހަރެން ބޭނުންވަނީ….ޔޫހާ….ޔޫހާ ޑިއުޓީއަށް ދިއުން ހުއްޓާލަން، އަހަރެން ހަރަދު ކުރާނަމޭ ޔޫހާއަށާ ކިޔާންއަށް…” ޒައުލް އެންމެ ފަހު ޖުމްލަ ބުނެލީ ޖެހިލުންވެފައި ހުރެއެވެ.

“ޒައުލް….ކީކޭތަ ތިކިޔަނީ، އަހަރެންގެ ވަޒީފާ ދޫކޮއްލަންވީއޭ….އެކަމަކު އޭރުން…” ޔޫހާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނަ ވަޒީފާއިން ވަކިވާކަށް ބޭނުމެއްނޫނެވެ. ޒައުލް ކުރިން އޭނަގެ ކައިރީ ދެއްކި ވާހަކަ އާއި މިހާރު އެދެއްކާ ވާހަކަ ބަދަލުވެއްޖެއެވެ.

“ޕްލީޒް ޔޫހާ، ޓްރައި ޓު އަންޑަސްޓޭންޑް…އަހަރެން ބޭނުމެއްނޫން ޔޫހާއޭ ކިޔައިގެން މީހުން ދައްކާ ވާހަކަ އެއްގޮތަކަށްވެސް އަޑުއަހާކަށް…ޕްލީޒް ޔޫހާ، މިކަމާ ގަބޫލުވޭ، އަހަރެން ތިދެމައިންނަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން” ޒައުލް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

ޔޫހާއަށް ބުނާނެއެއްޗެއް ނޭގިފައި އިރުކޮޅަކު ހުރެވުނެވެ. ދެންވެސް ވާހަކަދެއްކީ ޒައުލްއެވެ. އޭނަގެ އަންބަކަށް ވާއިރު އޭނަގެ ގަދަރާ އޭނަގެ އާއިލާގެ ގަދަރު ހިފެހެއްޓުމަކީވެސް މުހިއްމު ކަމެއްގެ ގޮތުގައި އޭނަ ފާހަގަ ކުރިއެވެ. ޔޫހާގެ ވަޒީފާ ދޫކޮއްލަން ޖެހެނީ އެހެންވެ ކަމުގައި އޭނަ ވިސްނާދެމުންދިޔައެވެ.

“ޔޫހާ ބޭނުންވަނީ މަސައްކަތެއް ކުރަންކަމަށް ވަނީނަމަ އަހަރެން ޔޫހާ ކުރާހިތްވާ ކަހަލަ މަސައްކަތެއް ފަށަން އެހީވެދީފާނަން، އެކަމަކު މިވަގުތުން ފެށިގެން އަހަންނަށް މިކަން ކޮއްދީ، އަހަރެންގެ އާއިލާ އާއި ޔޫހާ ބައްދަލުވާއިރު އަހަރެން ބޭނުމެއްނޫން ޔޫހާއަކީ އަހަރެންގެ މުވައްޒަފެއްގެ ގޮތުގައި ހުންނާކަށް….ކައިވެންޏަށްފަހު އަހަރެން ޔޫހާގެ އަމިއްލަ ވިޔަފާރިއެއް ފަށާދޭނަން، އެގޮތް އެންމެ ރަނގަޅެއްނު، ޔޫހާ….ޕްލީޒް ސޭ ޔެސް” ދެކޮޅަށް ހިނގަމުން ޒައުލް ފޯނުން ޔޫހާއަށް ބުނެލިއެވެ.

“އަހަރެން ވިސްނާލަން ބޭނުން، އަހަރެންގެ މިވަޒީފާ ގެއްލި، ޒައުލް ބޭނުންވާގޮތަށް ކަންތައްތައް ނުވެއްޖެނަމަ ނިކަމެތިވާނީ ހަމައަހަންނާ އަހަރެންގެ ދަރިފުޅު” ޔޫހާ ޒައުލްއަށް އިތުބާރުކުރަން ޖެހިލުންވެ ހުރެ ބުނަމުންދިޔައެވެ.

“އޯ ކަމޯން ޔޫހާ….އަހަރެން ލަނޑެއް ދޭންތަ މިއުޅެނީ، ދެން މައްސަލައެއްނެތް، ޔޫހާ އަހަރެންގެ މިއެދުމާއިމެދު ވިސްނާލާ، އަހަރެން ޔަގީންކަން މިދެނީ އަހަރެން ޔޫހާ ނޫން އެހެންމީހަކާ ނީންނާނަންކަން، ބޭނުންވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން އެކަމަކު…..އެނީވޭސް، އަހަރެން ފަހުން ގުޅާނަން، އާން އަދި އެއްކަންތަ، ކިޔާން އަހަރެންގެ ކައިރިން އެދުނު އޭނަ ނިދާގަޑީގަ ގުޅުމަށް އެކަމަކު އެވަގުތު އަހަންނަށް ގުޅޭގޮތެއްނުވި އެކަން އޭނައަށް ބުނެދިނިއްޔާ ވަރަށް ރަނގަޅު…” ޒައުލް ބުނެލިއެވެ. އެއާއިއެކު ޔޫހާވެސް އިތުރު ވާހަކައެއް ނުދައްކާ ހޫންލައްވާލިއެވެ. ދެންވެސް އެދެމެދަށް ވެރިވެގެންދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދެމީހުންގެ ނޭވާގެ އަޑު ފޯނުން އިވެމުންދިޔައެވެ. އެންމެފަހުން ޔޫހާ ފޯނު ބާއްވާލިޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ދެމީހުންވެސް ހީކުރީ އެކަކު އަނެކަކުއަނެކަކުދެކެ ހިތްހަމަނުޖެހުނީކަމުގައެވެ.

ޔޫހާގެ ފޯނުކޯލު މެދުކެނޑުމަށްފަހު ޒައުލް ފޯނަށް ބަލަހައްޓައިގެން ހުރެ އޭނަގެ ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލިއެވެ. ފުންނޭވާއެއް ލަމުން ޓެރެސްގައި ހުރި ބޮޑު ސޯފާގައި ގޮސް އުއްޑުން އޮށޯވެލަމުން ނިތުގައި އަތްބާއްވާލީ ފުން ހިޔާލުތަކެއްގެ ތެރެއަށް ގެބިގެންދާން ބޭނުންވެފައިވާ ފަދައަކުންނެވެ.

ޖެހިގެން އައިދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު ޒައުލް ޝާއިންއަށް ގުޅިއެވެ. ގާޑަންވިއުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުރިހާ އިރުޝާދެއް ޒައުލް ޝާއިންއަށް ފޯނުން ބުނެދެމުންދިޔައެވެ. އަދި އޭނަގެ އޮފީހަށް ނުކުންނާނީ ހަފްތާއެއްވަރު ފަހުންކަމުގައި ބުނެ އެދުވަސްތަކުގެ ޒިންމާ ޝާއިން އާއި ހަވާލުކުރީއެވެ. އޭގެ އިތުރުން ހުޅުމާލޭގައި އަޅާނިމި އާމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓެލް އާއިމެދު ޒައުލް އޭނަގެ ބައްޕަ އާއި މަޝްވަރާ ކުރިއެވެ. ލާއިގާއަށް މަންސޫރު މިޚަބަރު ދިނުމާއިއެކު އޭނަ ލޫލުއާގެ ކައިވެންޏާ ދިމާކޮށް އެތަން ހުޅުވަން އެއްބަސްވިއެވެ. އެއްމަހެއްގެ ތެރޭ ދެއީދު އަންނަން އުޅޭފަދައެވެ. ހެނދުނުގެ ގިނަވަގުތު ހޭދަވެގެން ދިޔައީ ޒައުލް ފޯނުގައެވެ. ކަންތައްތައް ރޭވުމުގަ އާއި މުހިއްމު އެތަށް ކަމެއް ނިންމުމުގައެވެ.

ރޭގެ ނިދި ރަނގަޅަށް ނުލިބިހުރި ޔޫހާގެ ސިކުނޑީގައި އަދިވެސް ވަނީ ޒައުލްއެވެ. އޭނަ ޔޫހާގެ ކައިރީ ދެއްކިވާހަކަތަކެވެ. ލޯބި ހުރިހާ ކަމެއްގެ މައްޗަށް ގަދަވެދާނެއޭ ޔޫހާ ހީނުކުރި ކަމުގައިވިޔަސް ކަންވަމުންދިޔައީ އެހެންނެވެ. މެންދުރު ކެއްކުމަށްފަހު ފެންވަރަން ވަތް ޔޫހާގެ ހިތް މަޑުމަޑުން ޒައުލްގެ އެދުން ގަބޫލު ކުރުމަށް އޭނަގެ ޒަމީރަށް ގޮވާލަމުންދިޔައެވެ. އަދި ސިކުނޑީގައި ޒައުލްގެ ލޯބީގެ ކުލަތައް ޖައްސާ ތުންފަތަށް ހިނިތުންވުން ވެރިކުރުވާފަދަ އިޙްސާސްތައް އެހިތް އިޙްސާސްކޮއްދެމުންދިޔައެވެ. ޒައުލްގެ ލޯބި ލިބުމާއިއެކު ކިޔާންއަކީ އޭނަގެ ދަރިއެއްކަން ގަބޫލުކުރުމަކީ ޔޫހާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އޭނައަށްވެސް ޒައުލް ވިސްނާދޭން އުޅުނީ ކޮންކަމެއްކަން މިހާރު އެނގިއްޖެއެވެ. ޒައުލްއަށްޓަކައި އޭނަ މީގެކުރިންވެސް އެތަށްކަމެއް ކޮއްފައިވާނެއެވެ. ނުކުރަންވީ ކަންތައްތައްވެސް އެލޯބީގެ ޖަޒުބާތުގައި ޖެހިވަނީ ކުރެވިފައެވެ.

ފާހާނާގެ ދޮރުފަތުގައި ތަޅަމުން ކިޔާން ޔޫހާއަށް ގޮވާލި އަޑާއިއެކު ފެންމާގަޑު ދަށުގައި ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ހިޔާލުތަކަށް ގެއްލިފައިހުރި ޔޫހާ ސިހުނެވެ. އަދި އަވަސްވެގަތީ ދޫކޮއްފައި ހުރި ފެންމާގަނޑު ބާރުކޮއްލުމަށްފަހު ކިޔާންއަށް ޖަވާބެއް ދޭށެވެ.

“ކިހިނެއްވީ…މަންމި މިނުކުންނަނީ ފެންވަރާލައިގެން، ރީތިކޮށް އިނދެބަލަ ފޮތުގަ ކުލަޖައްސަން” ޔޫހާ ބޯއަރިކޮއްލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހެންނަމަވެސް ކިޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައިތަނުގަ އޭނަ ކޮޓަރިތެރެއިން މީހަކާ ވާހަކަދައްކާ އަޑުއިވުނެވެ. ދެންވެސް ޔޫހާ ތަންކޮޅެއް ބާރަށް ކާކުތޯ އެކޮޓަރީގައި ހުރީ ސުވާލުކުރިއެވެ. ކޮޓަރިތެރެ ހިމޭންވުމުން ޔޫހާ ކަންބޮޑުވާގޮތްވިއެވެ. އަފްލީންވެސް ގެއަކުނެތެވެ. ހަނދާންނެތި ސިޓިން ރޫމު ދޮރުވެސް ހުރީ ތަޅުނުލައެވެ. އަވަސްކޮއްލައިގެން ޔޫހާ ފާހާނާއިން ނުކުތެވެ. ކޮޓަރިތެރޭގައި ކިޔާންނެތުމުން ދުވެފައި ސިޓިން ރޫމަށް ނުކުމެވުނު ތަނާހެން ޔޫހާއަށް ހީވީ ކުއްލިއަކަށް އޭނަގެ ދެފައި ހުރިތަނަށް ގަނޑުވިހެންނެވެ.

“ޔޫހާ….” ޒައުލް ކޮޓަރިން ނުކުތް ޔޫހާއަށް ބަލާލަމުން މަޑުމައިތިރި އަޑަކުން ގޮވާލިއެވެ. އޭރު އޭނަގެ އުނގަށްވަދެ ކިޔާންހުއްޓެވެ.

“މަންމީ ޑެޑީ ފޯނުގަ ބައިވެރި ގޭމްސް ހުރޭ، ކޮއްކޮވެސް މިކަހަލަ ފޯނެއް ބޭނުން” ޒައުލްގެ ފޯނާ ކުޅެންހުރި ކިޔާން ޔޫހާއަށް ބުނެލިއެވެ.

ކިޔާން ބުނިއެއްޗެއް އެދެމީހުންކުރެ އެކަކަށްވެސް އިވުނުހެނެއް ހިއެއްނުވެއެވެ. ދެމީހުންގެ ސަމާލުކަންވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ޔޫހާގެ ތެމިފައިވާ ބުޅި އިސްތަށިގަނޑާއި އުނުގައި އޮޅާލެވިފައި އޮތް ދުވާލީގެ ސަބަބުން ފައިގެ ކަކުލުން ތިރި ހާމަވެފައިވާތީ އާއިއެކު މިމަންޒަރުތަކުން ޒައުލްގެ ހިތުގެ ހިނގުން އަވަސް ކުރުވިއެވެ. މަޑުމަޑުން އިސްޖެހެމުން ގޮސް ޔޫހާގެ މޫނު އެއްކޮށް އިސްޖަހާލުމާއިއެކު ކޮޓަރިތެރެއަށް ދެމިގަތެވެ. އެހިނދު ސޯފާގައި އިން ޒައުލްއަށް އޭނަގެ އުނގަށްވަދެހުރި ކިޔާން ދުރުކޮއްލުމާއިއެކު ތެދުވެވިއްޖެއެވެ. އަދި ޔޫހާގެ ކޮޓަރިތެރެއަށް ވަނުމަށް އޭނަގެ ދެފައި ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔައީ އެކަމުގައި އޭނަގެ އެއްވެސް ބާރެއްނެއްފަދަ ގޮތަކަށެވެ. ކޮޓަރީގެ ދޮރުގައި ޒައުލްގެ އަތްތިލަ ޖެހުމާއިއެކު ދޮރުފަތް ފަހަތަށް ދިޔައީ އެއްކޮށް ނުލައްޕާ ހުރުމުންނެވެ. އެވަގުތު ރީތިވާ މޭޒުކައިރީ ދޮރަށް ފުރަގަސް ދީގެން ހުރި ޔޫހާ ފެނުނެވެ. ޒައުލް މަޑުމަޑުން އައިސް ޔޫހާގެ ތެމިފައިވާ އިސްތަށިގަނޑުގައި އަތްތިލިއެވެ. ޔޫހާއަށް ކުއްލި ސިހުމަކާއިއެކު ދުރަށް ޖެހެންއުޅުނު ވަގުތު ޒައުލް ޔޫހާގެ ދެކޮނޑުގައި ހިފާގެނެސް އޭނަގެ މޭގައި ތަތްކޮއްލިއެވެ. އަދި އޭނަގެ މޫނު ތިރިކޮއްލުމާއިކު ޔޫހާގެ ކޯތާފަތުގައި ޖައްސާލަމުން ދެލޯ މަރާލިއެވެ. ޔޫހާގެ ހިތްވެސް ބާރަށް ތެޅެމުންދިޔައީ ޒައުލްގެ ހަރަކާތްތައް ހުރިގޮތުންނެވެ. އެބާރުގަދަ ދެއަތުގެ ތެރޭ އޭނަ ހައްޔަރުވެފައިވާ ކަހަލައެވެ. ޒައުލް މަޑުމަޑުން ޔޫހާގެ ކަނދުރާގައި ބޮސްދިނެވެ.

“ޒައުލް…” ޔޫހާއަށް ބުނެލެވުނެވެ.

“އަހަރެން ޔޫހާ ބޭނުން…” ޒައުލް އެވަގުތު އެހެންބުނެލީ ކޮންމާނައެއްގައި ކަމެއް ޔޫހާއަކަށް ނޭގުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޔޫހާ ހުރީ އެހެންވެއެވެ.

“ޔޫހާ އަހަންނަށް ބޭނުމެއްނުވޭތަ…އަހަރެންގެ މީހަކަށްވާކަށް ބޭނުމެއްނޫންތަ…” ޒައުލް އަނެއްކާވެސް ވާހަކަދެއްކިއެވެ. އެއަޑުގައިވާ މަސްތުކަމީ ޔޫހާގެ ހަމަވިސްނުން މޮޔަކޮއްލާފަދަ ބާރެކެވެ. ޔޫހާ ދުރަށް ޖެހިލަން މަސައްކަތް ކުރާވަރަކަށް ޒައުލް ދިޔައީ އޭނަ އާއި ޔޫހާ ގާތްކުރަމުންނެވެ.

“ޕްލީޒް….” ޔޫހާއަށް ވައިއަޑަކުން ބުނެލެވުނެވެ. އޭނަގެ އަޑުވެސް ރަނގަޅަށް ނުނިކުތީއެވެ. ހިލަމެއްނުވެ ޒައުލް ހުރުމަށްފަހު ޔޫހާ އާއި ދުރަށް ޖެހިލާފައި އޭނަގެ ކުރިމައްޗަށް ހުއްޓި ޔޫހާގެ އުނަގަނޑުގައި ހިފާލިއެވެ. ޔޫހާއަށް ޒައުލްއަށް ބަލާލެވުނެއްކަމަކު އެފުންދެލޮލާއި ނަޒަރުވަކިކޮއްލީ ވަރަށްވެސް އަވަހަށެވެ. ދެވަނަ ފަހަރަށް އެއަތުގެތެރެއަށް ލުއިލުއި ސިލްކުފަދައިން ސޮހިގެންދާން ޔޫހާ ބޭނުންނުވަނީއެވެ. ހިތްނޭދެނީކީ ނޫނެވެ. ޒައުލްގެ ދެލޮލުންވެސް ޔޫހާގެ ހަށިގަނޑުގައި ބޮސްދޭފަދައެވެ. އެހާމެ އަސަރުގަދަ ޖާޒުބީ ބެލުމެކެވެ. އެޒުވާން ރީތި ސޫރައާއި އެބާރުގަދަ ދެއަތުގެތެރެއަށް ގެއްލިދާން ކޮންމެ އަންހެނަކުވެސް ބޭނުންވާނެކަންގައިމެވެ. ޔޫހާގެ ހަށިގަނޑުގައިވެސް އިޙްސާސްތަކެއް ދައުރުވަމުންދެއެވެ. އަވަސްގޮތެއްގައި އެއިޙްސާސްތަކުގެ މައްޗަށް ބާރުނުފޯރުވައިފިނަމަ އޭނަގެ ސިކުނޑިއަށް އޮޅުވާލާ ދެވަނަ ފަހަރަށްވެސް އެކަމަކަށް އަރައިގަނެވިދާނެއެވެ. ޔޫހާގެ ކޯތާފަތުގައި ދެއަތުން ހިފާލި ޒައުލްގެ އަތް ދުރުކޮއްލުމަށް ޔޫހާ އުޅުނެވެ. އެހެންނަމަވެސް ޒައުލް އެމޫނު އުފުލާލާ އޭނަ އާއި އެރީތިދެލޮލާ ހަތަރުކަޅި ބައްދަލުކުރުވިއެވެ.

“ޔޫހާ އަހަރެންދެކެ ލޯބިވޭތަ…” ޒައުލް އަހާލިއެވެ. އެސުވާލަށް އިސްޖަހާލަން ބޭނުންވިކަމުގައި ވިޔަސް އެކަމެއްނުވިއެވެ. ޒައުލް އޭނަގެ ލޮލާ ޔޫހާގެ ލޯ ވަކިކޮއްލާކަށް ބޭނުމެއްނޫނެވެ.

“އަހަރެން…އަހަރެން ގަބޫލު…ޒައުލް ބޭނުންވަނީ…ވަޒީފާއަށް ނުދާންކަމުގަ ވަނީނަމަ އަހަރެން އެކަމާ ގަބޫލު، ޕްލީޒް އަހަރެން ދޫކޮއްލާ، ކިޔާން އަތުވެދާނެ…ކައިވެނީގެ ބޭރުން އަހަރެން އެއްވެސް ގުޅުމެއް ހިންގާކަށް ބޭނުމެއްނޫން…ޕްލީޒް” ޒައުލްގެ މޫނު ޔޫހާގެ މޫނާ ގާތްކޮއްލި ހިނދު ޔޫހާ ވާހަަކަދައްކަންފެށިއެވެ.

“ސީރިއަސްކޮއްތަ، ނޫނީ އަހަރެން ޔޫހާ ދޫކޮއްލާތޯތަ ތިހެން ތިބުނީ” ޒައުލްއަށް ޔަގީންކުރަން އުނދަގޫވިއެވެ.

“އަހަރެން ވަރަށް ވިސްނާފަ މިހެން މިބުނީ، ރޭގަ ޒައުލް އަހަންނަށް ބުނެދެން އުޅުނީ ކީކޭކަން އަހަންނަށް އެނގޭ، ކައިވެނި ކުރެވެނޭކަން ޔަގީންނުވިޔަސް އަހަރެން ޒައުލްއަށް ދެވަނަ ފުރުޞަތެއް މިދެނީ….ފުރިހަމައަށް އިތުބާރު ކުރަމޭ ނުބުނާނަން، އެކަމަކު އަހަރެން ޒައުލްއަށް އިތުބާރު ނުކުރާނަމެކޭވެސް ނުބުނާނަން، އުއްމީދުކުރަން ތިންވަނަ ފުރުޞަތަކަށް އަހަރެންގެ ކައިރިން ނާހާނެ ކަމަށް” އަދިވެސް ޒައުލް ޔޫހާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލައިގެން ހުއްޓެވެ. ޔޫހާގެ ވާހަކަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.

“އިރާދަކުރެއްވިއްޔާ ތިންވަނަ ފުރުޞަތަކަށް އެދޭފަދަ ދުވަހެއް ނާންނާނެ، އޭގެ ކުރިން އަހަރެން ޔޫހާ އާއި ކައިވެނި ކުރާނަން…ޔޫހާގެ އިތުބާރު ގެއްލޭފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނަން” މިހެންބުނެ ޒައުލް ޔޫހާގެ ދެއަތްތިލާގައި ހިފާ އުފުލާލަމުން އެދެއަތްތިލާގައި ބޮސްދިނެވެ. އޭނަ އެވީ ވަޢުދަކީ އޭނަގެ އަމިއްލަ ނަފްޞަށްވެސް ވީވައުދެއްމެއެވެ. އަދި ޔޫހާ ތައްޔާރުވުމަށް ވަގުތުދެމުން ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ޔޫހާ އަވަސް ފިޔަވަޅުގައި އަލަމާރި ކައިރިއަށް ޖެހިލިއެވެ.

ކޮޓަރިން ނުކުތް ޒައުލް ކިޔާންއަށް ފެނުމާއިއެކު މާޔޫސްވެގެންދިޔައެވެ. ކިޔާންއަށްވީ ކިހިނެއްކަން އޮޅުން ފިލުވަން ސޯފާގައި އިށިންނަމުން އޭނަ ސުވާލުކުރިއެވެ.

“ޑެޑީގެ ފޯނު ހަލާކުވީ، ކޮއްކޮ ގަސްދުގައެއްނޫން އެނގޭ ޑެޑީ…ސޮރީ ޑެޑީ” ތުންފިއްތާލަމުން ދެރަފައިހުރެ ކިޔާން ދެއަތުން ޒައުލްއަށް ފޯނު ދިއްކޮލިއެވެ. ޒައުލް ފޯނަށް ބަލާލިއިރު ފޯނު އޮތީ ނިވިފައެވެ. ކިޔާންއަށް ފޯނު ހުޅުވަން ނޭގުނީއެވެ. ހިނިއައިސްފައި ޒައުލް ކިޔާންގެ އިސްތަށިގަނޑާ ކުޅެލަމުން ގެނެސް ބައްދާލިއެވެ.

“މަންމި ރުޅި އަންނާނެ ޑެޑީ ފޯނު ކޮއްކޮއަތުން ހަލާކުވީމަ” ކިޔާން ކަންބޮޑުވެފައިވާ ގޮތަކަށް ބުނެލިއެވެ.

“ޑެޑީގެ ފޯނު ހަލާކެއްނުވޭ، ބަލާ ނިކަން މިއޮށް ހުޅުވެނީނު” ގުދުވެލައިގެން އިން ޒައުލް އޭނަގެ އުނގުތެރޭހުރި ކިޔާންއަށް ހުޅުވާލި ފޯނު ދައްކާލިއެވެ. ފޯނުގެ ސްކްރީން ދިއްލިގެން ދިއުމާއިއެކު ކިޔާން އުފަލުން ހީލާފައި ޒައުލްގެ ކަނދުރާގައި ދެއަތުން ބައްދާލިއެވެ.

ރީތިވެލައިގެން ސިޓިން ރޫމަށް ނުކުތް ޔޫހާ ހުރީ ލަދުވެތި ކަމާއިއެކު ޖެހިލުންވެފައެވެ. ނަމަވެސް މަޑު ހިނގުމެއްގައި އައިސް ވަކިން ހުރި ސޯފާގޮނޑީގައި އިށީނދެއްޖެއެވެ.

“އަހަރެން މިއައީ ޔޫހާގެ ކައިރިން ވަރަށް ބޮޑު ކަމަކަށް އެދެންވެގެން” ޒައުލް އޭނަ އައި ބޭނުން ޔޫހާގެ ގާތުގައި ބުނަން އުޅުނެވެ. ޔޫހާ ޒައުލްއަށް ބަލާލާފައި އެއީ ކޮންކަމެއްތޯ ސުވާލުކުރިއެވެ. ޒައުލް އޭނަ ބޭނުންވާ ކަންތައްތައް ވަރަށް ތަފްޞީލުކޮށް ޔޫހާއަށް ކިޔާދެމުންދިޔައެވެ. އާދައިގެ މަތިން ފުރަތަމަ ޔޫހާ އެކަމާ ދެކޮޅު ހެދިއެއްކަމަކު ޒައުލްއަށްޓަކައި ފަހުން އެއްބަސްވިއެވެ. ޒައުލް އެކަމުގައި ޔޫހާއަށް އެހީވުމަށް އަންނާނަން ކަމުގައި ބުނެ ދެން އެދުނީ އޭނަ އާއިއެކު ކާން ރެސްޓޯރެންޓަކަށް ދިއުމަށެވެ. ކިޔާންވެސް ގޮވައިގެން އޭނަ ބޭރަށް ދާހިތްވީ ކަމުގައި ބުންޏެވެ. ހަގީގަތުގައި ޒައުލް މިހާރު ޔޫހާ އާއި ކިޔާން އާއިއެކު ބޭރުތެރެއިން ފެންނަން ބޭނުންވަނީއެވެ. ޔޫހާއަކީ އޭނަގެ މީހެއްކަން އެހެންމީހުންނަށްވެސް އަންގަން ބޭނުންވަނީއެވެ.

“އެއީ ރަނގަޅު ހިޔާލަކަށް ވާނެތަ” ޔޫހާ ސުވާލުކޮއްލިއެވެ.

“ކީއްވެ ނުވާންވީ، އަހަރެންގެ ވާންއުޅޭ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ބޭރަށް ކާލަން ދިއުމަކުން މަައްސަލައެއް ނެތެއްނު” ޒައުލް ކުޑަކޮށް ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.

ޔޫހާ އާއެކޭ ބުނެލާފަދަ ގޮތަކަށް ބޯޖަހާލަމުން ކިޔާންއަށް ގޮވާލާފައި އޭނަ ގޮވައިގެން ކޮޓަރިއަށްވަނީ އޭނަ ތައްޔާރުކޮއްލުމަށެވެ. ޔޫހާ އޭނަގެ ވަޒީފާއަށް ނުކުތުން މިއަަދަށްފަހު ހުއްޓާލީއެވެ. ޔޫހާގެ އެނިންމުމާއިމެދު ޒައުލް ވަރަށް ހިތްހަމަޖެހުނެވެ. އެމީހުން ބޭރަށް ދާން އުޅެނިކޮށް ޔޫހާއަށް ފޯނެއް އައެސްގެން ބަލާލިއިރު އޭނައަށް ގުޅަނީ އައްޔަދުއެވެ. އެވަގުތު ފޯނަށް ޖަވާބު ދިނުން ރަނގަޅެއް ނުވާނޭ ޔޫހާގެ ހިތަށް އަރާފައި ފޯނު ކަނޑާލިއެވެ. ދެވަނަ ފަހަރަށްވެސް އައްޔަދު ގުޅިއެވެ. އަދި ތިންވަނަ ފަހަރަށް ގުޅުމުން އަވަސް އަވަހަށް ފޯނަށް ޖަވާބުދިނީ ޒައުލް އެއްޗެއް ހީކޮއްފާނެތީއެވެ.

“މިވަގުތު ބިޒީ” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.

“މިގަޑީގަ އާމުކޮށް ޔޫހާ ފްރީވާނެތީ މިގުޅާލީވެސް، ކޮބާ ހާލު ކިހިނެއްތަ؟ އައި މިސްޔޫ، ވަރަށް ހަނދާންވޭ ޔޫހާ މަތިން، ޔޫހާ….އަހަންނާއިއެކު އަހަރެންގެ މަންމަ އާއި ބައްދަލު ކުރަން މިގެއަށް އަންނާނީ ކޮންދުވަހަކުތަ؟ ޔޫހާ އެކަމަށް ވަކި ޖަވާބެއް ނުދެމެއްނު…އަހަންނަށް އެނގޭ ޔޫހާ އެހާހިތްހަމައެއް ނުޖެހޭކަން ބޭރުގަ އަހަންނާއިއެކު އުޅޭކަށް….މެންދުރުފަސް ޑިއުޓީއެއްނު މިހާރު ތިނަގަނީ، ޑިއުޓީ ބަދަލުވީމަ ދާނަން ބަލާ” އައްޔަދު ބުނެލިއަޑުއިވުނެވެ.

“ފަހުން ދޯ…” ޔޫހާ އުނދަގޫ ގޮތަކަށް ބުނެލިއެވެ.

“ޔޫހާ، މީހަކު ހުރީތަ ކައިރީގަ، އެހެންވެ ދޯ ބުނަން ބޭނުން އެއްޗެއް ރަނގަޅަށް ނުބުނެވިގެން ތިއުޅެނީ” އައްޔަދުއަށް ޔޫހާ ވާހަކަދައްކަން އުނދަގޫވެގެން އުޅޭހެން ހީވެ އަހާލިއެވެ. ޔޫހާ ހޫން ލައްވާލަމުން ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. އޭރު ޒައުލް ނޫން ކަމަށް ހެދިގެން ހުއްޓެއް ކަމަކު ޔޫހާގެ ހުރިހާ ހަރަކާތަކަށާއި ފޯނުން ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަން ދީފައިވެއެވެ. ޔޫހާ ފޯނު ކޯލު ކަނޑާލުމާއިއެކު އަތްދަބަހަށް ފޯނުލިއެވެ. ޒައުލް އޭނަގެ ކައިރިން ފޯނުން ވާހަކަދެއްކީ ކާކާތޯ ސުވާލުކުރިއެވެ. ޔޫހާ ޖެހިލުންވެ ހުރެވެސް ދޮގު ނުހަދަންވެގެން އަޔާއޭ ބުނެލިއެވެ. އިތުރަށް ޒައުލް އެއްވެސް އެއްޗެއް ނުބުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އަދިވެސް އެމީހަކު ޔޫހާ އާއި ގުޅުންބާކަން އެނގުމުންނެވެ. އެކަމަކު އެކަން މަނާ ނުކުރީ މިހާރުވެސް ވަރަށް ގިނަ ކަންތައްތަށް ކޮއްދިނުމަށް ޔޫހާގެ ކައިރިން އެދިފައިވާތީއެވެ.

ޔޫހާގެ ދިރިއުޅުން ބަދަލުވާން އުޅޭކަހަލައެވެ. މިހާރުއްސުރެ އެފަދަ އިޙްސާސްއެއް ޔޫހާއަށް ކުރެވެންފަށައިފިއެވެ. ޒައުލް އޭނަ ބޭނުންވާ ގޮތަށް ޔޫހާގެ ހުރިހާ ކަމެއް ބަދަލު ކުރާނެކަން ޔޫހާއަށް އެނގެއެވެ. ލޫލުއާގެ ކައިވެނީގެ ވާހަކަތަކާއިއެކު ޒައުލް ހާޒިމްގެ އާއިލާގެ ވާހަކަ ދެއްކިއެވެ. އެފަދަ ބޮޑު ކައިވެނި ޕާޓީއެއް އޭނަވެސް ޔޫހާ އާއި ކައިވެނި ކުރާދުވަހުން ބާއްވަން ބޭނުންވާ ވާހަކައެވެ. ދެމީހުންގެ އާއިލާވެސް އެކައިވެނީގައި ފެނިގެންދިއުމެވެ.

ލޫލުއާގެ ކައިވެނީގެ ކަންތައްތައް ތައްޔާރު ކުރުމުގައި އެންމެން ހޭބޯ ނާރާ އުޅެއެވެ. ކައިވެނި ޕާޓީ ބާއްވާނެ ތަނަކާއިމެދު މަޝްވަރާ ކުރުމަށްފަހު އެންމެ ފަހުން ހަމަޖެހުނީ ގާރޑަންވިއުގެ ބޮޑު ހޯލްގައި ބޭއްވުމަށެވެ. ލާއިގާ ދެކުނުގޮތުގައި އެތަނުގައި އެންމެ ފަހުން ހިނގި ހާދިސާއަށްފަހު އެތަނުގެ ނަން އަރައިގެންދާނެ ކަމެއްގެ ގޮތުގައި އެކައިވެނިވާނެތީއެވެ. އެތަނުގައި އެއްފަހަރާ އެތަށް ބަޔަކަށް ދަތިކަމެއްނެތި އުޅެވޭނެކަން ގައިމެވެ. ތިންދުވަހުގެ ތެރޭގައި ކައިވެނި ކުރަން ހަމަޖެއްސި ތާރީޙް ފާސްވެ ޤާޟީ އަންނާނެ ގަޑިވެސް އެނގިގެންދިޔައެވެ. ޒައުލް ލާއިގާއަށް ފެންނަ ހިސާބުން ދުރަށް ނުގޮސް އުޅެއެވެ. ކައިވެނީގެ ހުރިހާ ކަމެއްގައި ލާއިގާ ބޭނުންވާގޮތަށް އެހީތެރިވަމުންނެވެ. އަނެއްކޮޅުން އޭނަ ދުވާލަކު އެއްފަހަރު ވިޔަސް ޔޫހާއަށް ގުޅާލައެވެ. އާމުކޮއް ނިދަން އޮށޮންނަމުން ޔޫހާގެ ހާލު ބަލާލަން ގުޅާ ފޯނު ކޯލު ދިގު ދެމިގެންދެއެވެ.

ކައިވެނި ޕާޓީ އޮތް ދުވަސް އަތުވެއްޖެއެވެ. އެންމެންގެ ހާސްކަންވެސް ނިމުމަކަށް އައީއެވެ. ހަތެއް ޖަހާއިރު ޤާޟީ ގާޑަންވިއަށް އަންނަން ވާއިރަށް މަޑުރަންކުލަޔާ ކަޅުރަތްކުލައިގެ ކައިވެނި ހެނދުމުގައި ލޫލުއާ ތައްޔާރުވެލައިފައި ހުރިއިރު ހީވަނީ ޝާހީ އާއިލާއެއްގެ ރާނީއެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. ހުރިހާ މެންބަރުންވެސް ތައްޔާރުވެލާފައިވަނީ ވަރަށް ފުރިހަމައަށެވެ. ރީތި ހެދުންތަށް ދައްކާލުމުގެ ޝޯއެއްފަދައެވެ. ތަފާތު ޑިޒައިންތަކުގެ ހެދުންތަކުގައި އާއިލާގެ މެންބަރުން ފެންނަމުންދިޔައެވެ. ކޯޓު ފަޓުލޫނުގައި ހުރި ޒައުލް މަންސޫރުގެ ގާތުގައި މަޑުކޮއްލައިގެން ހުއްޓެވެ. އިރު އިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ.  ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެމޫނުމަތިން ފެންނަމުންދިޔައެވެ.

ބަރާބަރު ގަޑިއަށް ކައިވެނިކޮއްދޭ މީހުން އައެވެ. އެމީހުންނާ ބައްދަލު ކުރީ ސަމަދު އާއި މަންސޫރެވެ. ޤާޟީ ވަރަށް ހިނިއައިސްފައި މަންސޫރަށް މަރުޚަބާ ކިޔެވެ. އޭނައަށް މަންސޫރަކީ ކާކުކަން އެނގުނީއެވެ. ސަމަދު ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުގެ ދޮށުގައި އިށީނުމަށް އިޝާރާތްކޮއްލިއެވެ. އެވަގުތު ހާޒިމްވެސް އައިސް ކައިވެނި ކޮއްދޭ މީހުންނާ ސަލާމް ކޮއްލަމުން އޭނަ އިށިންނަންވާ ގޮނޑީގައި އިށީނދެއްޖެއެވެ. ލާއިގާ އާއި ހާޒިމްގެ އާއިލާ ކުދިން ލޫލުއާ ގޮވައިގެން އައިސް ހާޒިމް އާއި ޖެހިގެން އިން ގޮނޑީގައި އިށީނުމަށް މަޑުމަޑުން ބުނެލިއެވެ. ކައިވެންޏަށްޓަކައި ޗުއްޓީ ނަގައިގެން ހުރި ލޫލުއާ ކައިވެނި ކުރަންވީ ވަގުތު ޖެހުނުއިރު ދުވަހަކުވެސް ހާސްނުވާވަރަށް ހާސްވެ ފިނިވެފައިވެއެވެ. ހެކިވެރިންނާއިއެކު އެމޭޒުގެ ދޮށުގައި ޒައުލް އާއި ސަމަދުގެ ބޭބެވެސް އިނެވެ. ޤާޟީ  ކައިވެނި ކޮއްދީ ނިމުމުން އެންމެންގެ އަޑުތައް ގަދަވެގެން ދިޔައީ ކައިވެނިކުރި ދެމެންބަރުންނަނަށް އާކައިވެނީގެ މަރުޙަބާ ކިއުމުގައެވެ. ފޮޓޯތަކުގެ ޕްލޭޝްތައް ކެނޑެމުންދިއުމުގެ އިތުރުން ވީޑިއޯ ކުރާ ބަޔަކުވެސް އެތަނުގައި އުޅެއެވެ. ކައިވެނިކޮއް ނިމުމުން ކައިވެނިކުރަން ތައްޔާރުކޮއްފައި ހުރި މޭޒުނަގާ ހޯލު ހުސްކޮއްލީ އަންނަ މެހެމާނުންނަށްޓަކައެވެ.

މެހެމާނުން އަންނަން ފެށުމާއިއެކު އާއިލާ އާއިއެކު ހުރި ޒައުލް ކުއްލިއަކަށް ގެއްލިއްޖެއެވެ. މަންސޫރުއަށް ޒައުލް ނުފެނުމުން ހިތަށް އެރީ މާމީހުން ގިނަވީމަ ބޭރަށް ނުކުމެލީކަމަށެވެ. ލާއިގާގެ ގާތުގައި ހުރި އީލާކްއަށް އޭނަގެ ދެރަޙުމަތްތެރިން ފެނުނުއިރު ވަރަށް ހައިރާން ކުރުވަނިވި ކަމެއްވެސް ފާހަގަ ކުރެވުނެވެ. އަވަސް އަވަހަށް އެމީހުން ކައިރިއަށް ދިޔައެވެ. ޝުދުފާ އާއި ރޮޒޭން އީލާކްގެ އަތުގައި ހިފާ ވާހަކަދައްކަންފެށީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ތަނުގެ ފުރިހަމަކަމުގެ ވާހަކައެވެ. ނަމަވެސް އީލާކްގެ ސަމާލުކަން ހުއްޓުނީ ރޮޒޭން އާއިއެކު ހުރި ޒުވާނާއަށެވެ.

“އީކް، މީ ޝާއިން….ޝާއިން މީ އީކް….މައި ބެސްޓު ފްރެންޑް” ރޮޒޭން ހީލާފައި ޝާއިން އާއި އޭނަގެ ރަޙުމަތްތެރިއާ ތަޢާރަފްކޮއްދިނެވެ. ޝާއިން ހީލާފައި ސަލާމްކޮއްލިއެވެ. އަދި އެކުދިންގެ މެދުގައި ޝާއިންގެ ވާހަކަ ދެކެވެންފެށުނެވެ. ޝާއިންއަށް ހުރީ ވާނުވާ ރަނގަޅަށް ނޭގިފައެވެ. އޭނައަށް އާދެވިގެން މިއުޅެނީ މަންސޫރުގެ ދޮށީ ދަރިފުޅުގެ ކައިވެނި ޕާޓީއަށްކަންވެސް އެނގުނީ ރޮޒޭން އާއިއެކު ގާޑަންވިއުއަށް މަޑުކޮއްލުމުންނެވެ. ކުރިންވެސް ރޮޒޭންގެ ރަޙުމަތްތެރިއެއްގެ ޕާޓީއަކަށް ދާންޖެހިފައިވާކަން ވަނީ އެނގިފައެވެ. ރޮޒޭންއަށްޓަކައި އޭނަ ކޮންމެ ކަމެއްވެސް ކުރާނެއެވެ. އެތަނުގައި ތިބި ގިނަ މެހެމާނުންގެ މެދުގައި ހުރުން އޭނައަށް ފަސޭހަ ކަމަކަށްނުވިޔަސްއެވެ.

މުޅި ހޯލްތެރޭ މެހެމާނުން ފުރިފައިވަނިކޮށް އެންމެންގެ ލޯތަށް ހުއްޓިގެން ދިޔައީ ގާޑަންވިއުގެ ދޮރުން ވަދެގެން އައި މަންސޫރުގެ ޒުވާން ފިރިހެން ދަރިފުޅަށެވެ. ދެން އޭނަގެ އަތުން އެއަންހެން ކުއްޖެގެ ފަހަތުގައި އަތްޖައްސާލައިގެން ހުރި އަންހެން ކުއްޖާއަށެވެ. ކަޅުރަތްކުލައަކަށްދާ ދިގު ހެދުމާއި ރީތި ސްޓައިލަކަށް ހަދާލެވިފައިހުރި ބުޅި އިސްތަށިގަނޑެކެވެ. އެންމެންގެ ލޯތަށް އެއަންހެން ކުއްޖާ އާއިވަކިވެގެން ނުދިޔައީ މީގެ ކުރިން ޒައުލް އެފަދަ ގާތްގޮތަކަށް އަންހެން ކުއްޖަކާއިއެކު ފެނިފައިނުވާތީއެވެ. ލޫލުއާމެން ހުއްޓިލައިގެން ތިބިތަނާ މާދުރުނޫން ހިސާބެއްގައި ހުރި މޭޒެއްގައި އިށީނދެ ވާހަކައިގައި ތިބި ލާއިގާއަށް ރެއަކާ ލީ އީލާކް ދުވެލާފައި އައިސް އެވާހަކަ ބުނުމުންނެވެ. އޭރު ހައިރާން ކަމާއިއެކު މަންސޫރުވެސް ހުރީ ޒައުލްއަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭގިފައެވެ. ލާއިގާއަށް ވަގުތުން ތެދުވެވުމާއިއެކު ފަހަތަށް އެނބުރިލެވުނީ ޒައުލް ހޯދާލުމަށެވެ. އޭރު ޒައުލް އެއަންހެން ކުއްޖާ އާއިއެކު ލޫލުއާ އާއި ހާޒިމް ހުރި ދިމާލަށް އަންނަނީއެވެ.

“ކޮންގްރެޓްސް ދޮންތާ…” ޒައުލް ލޫލުއާ އާއި ސަލާމް ކޮއްލަމުން ހިނިތުންވެލާފައި ބުނެލިއެވެ.

“ތޭންކްސް….މީ ކޮންކުއްޖެއްތަ” ލޫލުއާއަށް އަވަހަށް އަހާލެވުނެވެ.

“ޔޫހާ…” ޒައުލް އޭނަގެ ކައިރީ ހުރި ޔޫހާއަށް ބަލާލަމުން ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލާފައި ލޫލުއާއަށް ބުނެލިއެވެ.

“ޔޫ ލުކް ބިއުޓިފުލް އެންޑް ކޮންގްރާ” ޔޫހާ އޭނަގެ އަތުގައި އޮތް ހަދިޔާ ދިއްކޮއްލަމުން ބުނެލިއެވެ.

“ޔޫ ޓޫ ވެރީ ބިއުޓިފުލް” ލޫލުއާ ބުނެލިއެވެ. ހަގީގަތުގަވެސް ޔޫހާ ވަރަށް ރީއްޗެވެ. އެއީ ކުރީގެ ޔޫހާއޭ ބުނާވަރެއްވެސް ނުވެއެވެ. ހީވަނީ މުޅިން އާމީހެއް ހެންނެވެ. އަދި ޒައުލްގެ އަތުގައި ހިފާލައިގެން ހުންނައިރު ޔޫހާ އާއިމެދު ހަސަދަވެރި ނުވާ އަންހެން ކުއްޖަކު އެޕާޓީގައި ހުންނާނެ ހެނެއް ހިޔެއްނުވެއެވެ. ޒައުލްއަށް ލާއިގާ ބަލަހައްޓައިގެން ހުރިގޮތް ފެނުމުން ދެން ހިނގައިގަތީ ލާއިގާގެ ގާތަށް ދިއުމަށެވެ.

“މިކޮޅަށް ބަލަން އެހުރީ އަހަރެންގެ މާމަ…” ޒައުލް ބުނެލިއެވެ. ޔޫހާ ހާސްވެ ކަންބޮޑުވިވަރުން ފައިއޮޅޭގޮތްވެ ވެއްޓެން އުޅުނެވެ. އަރާފައި ހުރި އުސް ކަށި ބޫޓުން ބެލެންސް ކުރަންވެސް އުނދަގޫވީއެވެ. ޒައުލް ޔޫހާގެ ގައިގާ ދެއަތުން ހިފަހައްޓާލިއެވެ. އަދި ލުއިލުއި ގޮތަކަށް ހީލީ އޭނައަށް ޔޫހާގެ ހާސްކަމާއި އެއަތްތިލައަށް ވެރިވެފައިވާ ފިނިކަން އިޙްސާސް ކުރެވިގެންނެވެ. ރަންކުލައިގެ ދިގު ކްލަޗްގައި ހިފަހައްޓާލައިގެން ކުރިއަށްވުރެވެސް ބާރަށް ޒައުލްގެ އަތުގައި ހިފަހައްޓާލަމުން ޔޫހާ ހިނގަމުންދިޔައެވެ.

“މާމާ….މީ ޔޫހާ…” ޒައުލް މިހެން ބުނެލީ ޖެހިލުންވެފައި ހުރެއެވެ. އެހެންނަމަވެސް ލާއިގާ ހިތްހަމަނުޖެހުނަސް އެއްޗެއް މިވަގުތު ނުބުނާނެކަން ޒައުލްއަށް އެނގެއެވެ. ޔޫހާ ހިނިތުންވެލަމުން ލާއިގާއަށް ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ. ލާއިގާ ވަރަށް ބޮޑަށް ހިނިތުންވެލަމުން ޔޫހާގެ އަތުގައި ދެއަތުން ހިފާލާފައި ވާހަކަ ދައްކަން ފެށިއެވެ.

“މީތަ ޒައުލްގެ ޚާއްޞަ ކުއްޖަކީ…” ލާއިގާއަށް ވަގުތުން ނަގައިގަނެވުނެވެ. ޒައުލްއަށް އައިސްގެން އުޅޭ ބަދަލުތަކުގެ އަސްލަކީ ޔޫހާކަމެވެ. ދޭތެރެއަކުން ވާނުވާ ނޭގި ގޭތެރެއިން ގެއްލެނީ ކީއްވެކަންވެސް މިހާރު ލާއިގާއަށް އެނގިއްޖެއެވެ. ހަމައެކަނި ޔޫހާގެ ނަން އެނގުމުން އޭނަގެ ހިތެއް ނުފުރުނެވެ. ނަމަވެސް ޔޫހާއަށް ބަލާލާފައި އޭނަގެ ހިތްހަމަޖެހޭފަދަ އެތަށް ސިފައެއް ލާއިގާއަށް ފާހަގަ ކުރެވިގެންދިޔައެވެ. ޚާއްޞަކޮށް ޔޫހާގެ ރީތިކަމާއި އޭނަގެ މުއްސަނދިކަން ދައްކުވައިދޭ ސްޓައިލެވެ. ޒައުލްގެ ގާތުގައި ހުންނައިރު އަދިވަކިން އެދެކުދިން ފުރިހަމަކަން ލާއިގާއަށް ފާހަގަކުރެވުނެވެ.

ހައިރާންވެ ހުރެ އީލާކް އޭނަގެ ރަޙުމަތްތެރިންގެ ގާތަށް އައިހިނދު އެމީހުންވެސް އޮޅުން ފިލުވަން ބޭނުންވީ ޒައުލް އާއިއެކު ހުރީ ކޮން އަންހެން ކުއްޖެއްކަމެވެ.

“ވާވު، ވަރަށް ރީތި ދޯ…” ރޮޒޭން ބުނެލިއެވެ.

“ކިހިނެއް އެނގެނީ އެއީ ކާކުކަން، ދޮންބެ އެކަހަލަ ކަމެއް ކުރާކަން އަހަރުމެންނަށް އަންގާވެސް ނުލާ، ދުރު ދުރުން އުޅުނީ އަހަންނަށް ހީވަނީ މިކަމުގެ ޝައްކެއް އަހަންނަށް ވެދާނެތީ ކަންނޭގެ….އަސްލުވެސް ދޯ ރޯޒް، އޭނަ ހާދަ ރީއްޗޭ” އީލާކް ޝުދުފާގެ އަތުގައި ހިފާލަމުން އޭނަގެ ރަޙުމަތްތެރިނަށް ބުނެލިއެވެ.

އެމީހުންގެ ތެރޭ ރޮޒޭންގެ އުނަގަނޑުގައި ހިފާލައިގެން ހުރި ޝާއިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނަ ރޮޒޭން އާއި އޭނަގެ ރަޙުމަތްތެރިންގެ ވާހަކައިގެތެރެއަށް ވަނުމުުގެ ބަދަލުގައި އެމީހުން ދައްކާ ވާހަަތައް ދިޔައީ އަޑުއަހަމުންނެވެ. ޝާއިންއަށް މާކުރިންވެސް ޔޫހާ މިކައިވެނި ހަފްލާއަށް އަންނަކަން ވަނީ އެނގިފައެވެ. އަދި މިހަފްލާއަށް އައުމަށްޓަކައި ޒައުލް ޔޫހާ ތައްޔާރު ކުރަމުން ދިޔައިރު އެކަން އެންމެ ފުރަތަމަ ދުއްމީހަކީވެސް އޭނައެވެ. އެހެންހުރި އިރު ރޮޒޭންގެ ގާތުގައި ޔޫހާގެ ވާހަކަ ބުނަންވީބާއޭ އޭނަގެހިތަށް އަރަމުންދިޔައެވެ. ޝާއިން އެކަން ހާމަނުކޮށް ފަސްކޮއްލެވުނީ ރޮޒޭންއަށް ޒައުލް އާއި ޔޫހާގެ ގުޅުން ކަމުދިޔަނަމަވެސް ދެންތިބި ދެރަޙުމަތްތެރިންގެ ފާޑުކިޔުންތައް އަންނާނެ ގޮތެއް ނޭގޭތީއެވެ.

“ނާވަސްތަ…” ޒައުލް އެއްފަރާތެއްގައި ހުސްކޮށްހުރި މޭޒެއްގެ ދޮށުގައި އިށިންނަމުން ޔޫހާގެ ގާތުން އަހާލިއެވެ. ޔޫހާއަށް ފިނިވެފަ ހުރިވަރުން ބަހެއްބުނުމުގެ ކުރިން އޭނައަށް ބޯޖަހާލެވުނީ އާއެކޭ ބުނުމަށެވެ.

“ހަމަޖެހިލަބަލަ…..ޑްރިންކެއް ގެނެސްދެންތަ” ޒައުލްއަށް ޔޫހާގެ ހާސްކަމާއި ކަންބޮޑުވުންފެނި އޭނަ ހަމަޖެހެން ވަގުތުދޭން ބޭނުންވީއެވެ.

“ނޫން އެއްވެސް އެއްޗެއް ބޭނުމެއްނޫން، ހަމަޖެހޭށޭ ބުނާއިރު ޒައުލްއަކަށް ނޭގޭނެ އަހަންނަށް އިޙްސާސް ކުރެވެމުން ދާކަންތައްތަކެއް، މީ ޒައުލްގެ ދިރިއުޅުމުގައި ޒައުލްގެ އާދަކާދަ އާއި ގުޅިފައިވާކަމެއް، އެކަމަކު މިފަދަ ބޮޑު ހަފްލާއަކަށް، އެވެސް ބޮޑެތި ފައިސާވެރިންގެ މެދުގައި ބޭއްވޭ ހަފްލާތަކަކީ އަހަރުމެން ކަހަލަ އާދައިގެ އަންހެން ކުއްޖަކަށް ކިހާވަރެއްގެ ކަމެއްކަން ޒައުލްއަށް އެނގެއެއްނު….ތެދެއް ބުނަންޏާ މިދުނިޔެއަކީ އަހަންނަށް އުޅެން އެހާ ފަސޭހަ ތަނެއް ނޫން، އެކަމަކު އަހަރެން ޒައުލް….” ޔޫހާ ބުނަން އުޅުނު އެއްޗެއް މެދުކަނޑާލާފައި މޭޒުމަތީގައި އެއްއަތް ބާއްވާލައިގެން އިން ޒައުލްގެ އަތުގައި ޔޫހާ ހިފާލިއެވެ.

“ޔޫހާ ކަންބޮޑުވަނީ މާމަ އާއި އަހަރެންގެ އާއިލާ ޔޫހާ ގަބޫލުނުކޮށް ފާނެތީތަ، އެހެނެއްނުވާނެ، މިރޭ ހަމައެކަނިވެސް އެތަށްބައެއްގެ ސަމާލުކަން ޔޫހާ ހޯދައިފި….ޔޫހާ ފެނުމުން މާމައަށް ބަދަލުތަކެއް އައިކަން އަހަންނަށްވެސް ފާހަގަ ކުރެވުނު، އެކަމަކު އެއީ ރަނގަޅު ބަދަލުތަކެއް…މާމަވެސް ހައިރާންވީ ކަންނޭގެ އަހަރެން އަންހެން ކުއްޖަކާއިއެކު ފެނުނީމަ….އެނގޭތަ މިރޭ ހަމައަސްލުވެސް ޔޫހާ ވަރަށް ރީތި، އަހަރެން ހިތަށް އަރާ އެހެރެތަނުގައި މެހެމާނުންނާ ސަލާމްކުރަން އަހަރުމެން ދެމީހުން ތިބިނަމޭ، އޭރުން ޔަގީނުންވެސް މިރޭ ގެއަށްދާނީ އަހަރެންގެ އަންބެއްގެ ގޮތުގައި ޔޫހާ ހުރެގެން” ޒައުލް އޭނަގެ އަތުގައި ހިފާލި ޔޫހާގެ އަތްތިލައިގެ މަތީ އަނެއްއަތްވެސް ބާއްވާލަމުން ލުއިގޮތަކަށް ހީލާފައެވެ.

“ޒައުލް….” ޔޫހާއަށް ދުރުން އެމޭޒާދޮށަށް ހިނގަމުންއަންނަށް އަންހެން ކުއްޖާ ފެނުމުން ޒައުލްގެ އަތާ އަތް ވަކިކޮއްލަމުން ލޮލުގެ އިޝާރާތުންނާއިއެކު ޒައުލްއަށް އެއަންހެން ކުއްޖާ ދައްކާލިއެވެ.

“ހާއި…ޒައުލް…” ތުއިގޮތަކަށް ހިނގާލާފައި އައިސް ޒައުލްގެ ކައިރިއަށް މަޑުކޮއްލި އިރު އެއަންހެން ކުއްޖާ ހީވަނީ މޮޑެލްއެއްހެންނެވެ. ދިގު އިސްކޮޅަކާއި ބައްޓަންތައް ފުރިހަމަ ހަށިގަނޑެކެވެ. ލާފައިހުރި ކުރު ހެދުމުން ވަކިން އެއަންހެން ކުއްޖާގެ ދިގު ދެފައި ފާހަގަކުރެވިގެންދިޔައެވެ. ޔޫހާއަށް އެއަންހެން ކުއްޖަކީ ޔަގީނުންވެސް ޒައުލް އާއި ވަރަށް ގާތް މީހެއްހެން ހީކުރެވުނީ އޭނަ ޒައުލްއަށް ހަނާއަޅާލުމާއިއެކު އައިސް ކައިރީގައި ހުއްޓިލިގޮތުންނެވެ.

“އެސްތާ….ކޮންއިރަކު މާލެ އައީ” ޒައުލްއަށް އޭނަގެ ކައިރީ އެވަގުތު ހުރީ ކާކުކަން އެނގުނެވެ.

“ދެދުވަހެއްވަރުވެއްޖެ، ހައު އަރ ޔޫ، ޚަބަރެއްވެސް ނުވޭ، މީކޮން ކުއްޖެއްތަ” އެސްތާ އަހާލިއެވެ. ޔޫހާ އެއްވެސް އެއްޗެއް ނުބުނެ އެސްތާގެ ހަރަކާތްތަކަށް ބަލަންއިނީ ފޫހިގޮތަކަށެވެ. އޭނައަށް އެސްތާގެ މާގޮތްބޮޑުވީއެވެ. ވާހަކަދައްކާއިރު ޒައުލްގެ އަތުގައި އަތްލުމާއި އަދި ދެބަސްބުނެލާފަ އެއޮށް ލޮލަށް ހަދާލާގޮތެކެވެ.

“މްމްމް….ޝީޒް މައި ގާލް…” ޒައުލް ވަރަށް ހިނިއައިސްފައި މިހެން ބުނެލީ އޭނަ ފަޙުރުވެރިވާކަން އެސްތާއަށް އަންގާލާފަދަ ގޮތަކަށެވެ. ޒައުލް އެގޮތަށް ހީނލިތަން ޔޫހާ މީގެ ކުރިން ދެކުނީ އެދެމީހުން އެންމެ ފުރަތަމަ ރައްޓެހިވެގެން އުޅުނުއިރުއެވެ. އެތަކެއް އަހަރުތަކަކަށްފަހު ބައްދަލުވި ޒައުލްއަކީ އަޑުވީއްލާ ހީ ސަމާސާކޮށް ހަދާމީހެއްނޫނެވެ. ނަމަވެސް އެސްތާ އާއި ވާހަކަ ދައްކާއިރު އެދެމެދުގައި ކޮންމެވެސް ކަހަލަގެ ބާރެއްވާކަން ޔޫހާއަށް އިޙްސާސް ކުރެވުނެވެ.

“ރިއަލީ….ނޫން ދޯ…ދެން ދޮގު ނުހަދަބަލަ، އިޓްސް ނޮޓް ފަނީ…ޒައުލްގެ ގާލްފްރެންޑެއް ނުހުންނާނެ” އެސްތާ އިތުރަށް ތުއިކަން ދައްކަމުން ބުނެލިއެވެ.

“އެސްތާ ގަބޫލުނުކުރުން އެއީ އަހަރެންގެ މައްސަލައެއްނޫން، އެއީ ކާކުހޭ އެހީމަ މިބުނެދިނީ އެއީ ކާކުކަން” ޒައުލްއަށްވެސް އެސްތާ އޭނަ އާއި މާގާތްކޮށް އުޅޭހެން ހީވާންފެށިއެވެ. އެސްތާ ޒައުލްގެ ވާހަކައީ ތެދެއްތޯ އަހާލީ ޔޫހާގެ ކައިރިންނެވެ. ޔޫހާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

“ސީ…ދޮގެއްކަން އަހަންނަށް އެނގުނޭ އޭރުވެސް، އުފަލެއްނުވޭތަ އަހަރެން ފެނުމުން، އަދި ބުނަންތަ މިކޮޅަށް މިއައީ ދެން އެނބުރި ނުދާގޮތަށް، އަހަރެންހުރީ މިކަންތައްތަކަށްފަހު ޒައުލް އާއި ބައްދަލުކުރަންވެގެން، ލާއިގާ މާމަ އާއި ބައްޕަ އާއިވެސް ދިމާވި މިތަނުން” އެސްތާ އޭނަގެ ވާހަކަތައް މެދުކަނޑާލާފައި ދާކަހަލަ ހިޔާލެއް ނުކުރިއެވެ.

“އެސްތާއަށް ކިހިނެއް މިހަފްލާގައި ބައިވެރިވުމަށް ދައުވަތު ލިބުނީ” ޒައުލް އެތަނުން އެސްތާ އާއި ދިމާވާންޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުންވިއެވެ.

“ގްރޫމްގެ ފަރާތުން، ހާޒިމްގެ ކޮއްކޮއެއް ދައުވަތު ދިނީ، އެހެންނޫނަސް ދިމާވާންތިބި ދެމީހުން ދިވާނެދޯ ކޮންމެވެސް ގޮތަކުން…..އައި މިސްޑް ޔޫ” ކުޑަ ހިނދުކޮޅަކަށް ވާހަކަ މެދުކަނޑާލާފައި ދެން އެނބުނި އެއްޗަކުން ޔޫހާވެސް ހައިރާންވިއެވެ. އޭނައަށް އެސްތާގެ މޫނުމަތިން ފެނިގެން އެދިޔަ މަންޒަރުތަކުން ހިންދިރުވާލެވުނެވެ. އަދި އެސްތާއަކީ ޒައުލްގެ އާދައިގެ ރަޙުމަތްތެރިއެއް ނޫންކަން ޔޫހާއަށް ޔަގީންވިއެވެ. ޒައުލް އަވަސް އަވަހަށް އޭނަގެ އަތާއި އެސްތާގެ އަތް ދުރުކޮއްލަމުން ޔޫހާއަށް ބަލާލިއެވެ.

“ފަހުން ބައްދަލުކޮއްލާނީ ދޯ، ސީ ޔޫ…އަހަރެންގެ ޑޭޓް މިހާރު އެއިނީ ފޫހިވެފަ، އެހެންނޫނަސް އެއީ ރަނގަޅުގޮތެއް ނޫނެއްނު އޭނަ ބާކީ ކޮއްލާފަ އަހަރުމެން ވާހަކައިގައި ތިބެން” ޒައުލް ބޭނުންވީ ވީހާވެސް އަވަހަކަށް އެސްތާގެ ކައިރިން ދުރަށް ދާށެވެ.

“އަހަރެންގެ އަތުގަ ޒައުލްގެ ނަންބަރެއްނެތޭ، ދެން ކިހެނެއް ފަހުން ބައްދަލުވެވޭނީ” އެސްތާ ބޯޖަހާލީ ޒައުލްގެ ވާހަކައަށް އެއްބަސްވަމޭ ބުނަމުންނެވެ. އަދި ދާން އުޅެފަވެސް އެނބުރި ޒައުލްގެ ކައިރިން ފޯނު ނަންބަރު އަހާލިއެވެ.

“ގްރޫމް ނޯސް މައި ނަންބަރ” ޒައުލް އޭނަގެ ފޯނު ނަންބަރު އެސްތާއަށް ދޭން ބޭނުންނުވާފަދަގޮތަކަށް ބުނެލިއެވެ.

“ކޮބާ ދިމާވެއްޖެތަ” މަންސޫރުގެ ކައިރީ އިށިން އެސްތާއަށް ބުނެލިއެވެ.

“ލައްބަ، ބޭބޭ….ޒައުލް ވަރަށް ބަދަލުވެއްޖެ ދޯ” އެސްތާ ހިޔާލުތަކެއްގެ ތެރެއަށް ގެއްލި އިނދެ އަހާލިއެވެ.

“އެއީ ބަދަލުވުމެއްނޫނެއްނު، ކުރީގަ ހުރި ޅަގޮތް ކެނޑިފަ އެހެރީ، ކޮން އަންހެން ކުއްޖެތަ ގޮވައިގެން އެއުޅެނީ” މަންސޫރު ބޭނުންވީ ޒައުލް އާއިއެކު އުޅޭ އަންހެން ކުއްޖާގެ ހަގީގަތް ހޯދުމަށެވެ.

“ހެ ހެ ހެ…އެކަމާ ބޭބެ ހާސްވެނުލައްވާ، އެއީ ޒައުލް ޕާޓީއަށް ގެނައި ޑޭޭޓެއް، ނަތިންގް މޯ….އަދި އަޅުގަނޑު ހައްދަންވެގެން ބުންޏޭ ގާލްފްރެންޑް އޯ މީ، އެކަމަކު އެއަންހެން ކުއްޖާ ފާޑަކަށް އިނީ އެހެންބުނީމަ ބަލަހައްޓައިގެން، ދެން އެނގުނު ޒައުލް ދޮގު ހެދީކަން” ހިނިއައިސްފައި އިނދެ އެސްތާ ކިޔާދިނެވެ.

“އެސްތާވާނެ ބޭބެ މެންގެއަށް އަންނަން، ކިހާ ދުވަހެއްކޮއްފަ ތިދެކުދިން ތި ދިމާވީ، ދެން ބުނެބަލަ، ކޮބާތަ މަންމަ އާއި ބޮޑު ދައިތަ، އެމީހުންގެ ހާލު ރަނގަޅުތަ” މަންސޫރުވެސް އެސްތާ ބުނިއެއްޗަކަށް ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ.

ޔޫހާ އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒައުލްއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެސްތާގެ ސަބަބުން ޔޫހާ ހިތްހަމަ ނުޖެހިފައި ހުރެދާނެއޭ ޒައުލްއަށް ހީވަނީއެވެ. މަޑުމަޑުން އިނެއްކަމަކު މިކަމާ ވިސްނިވަރަކަށް އޭނަ ހާސްވަމުންދިޔައެވެ. އެއްފައި ތަޅުވާލަ ތަޅުވާލަ އިނީ އެސްތާގެ ވާހަކަ ކިޔާދެންވީއޭ ހިތަށް އަރާފައެވެ.

“ޒައުލް، މިތަނުން ބޭރަށް އަހަރެން ނުކުމެލަން ބޭނުން” ޔޫހާއަށްވެސް އެތަނުގައި އިތުރަށް މަޑުކުރަން އުނދަގޫވީއެވެ. ޒައުލް އަވަސް އަވަހަށް ބޯޖަހާލަމުން ތެދުވެ ވަށައިގެން ހޯދާލިއެވެ. އަދި ޔޫހާއަށް ދިއްކޮއްލި އަތުގައި އޭނަ ހިފުމުން ގަޔާކައިރިކޮއްލައިގެން ހުރެ އެހޯލްގެ ދޮރަކުން ބޭރަށް ނުކުތެވެ. ވަށައިގެންވި މާހައުލުވަނީ އެކިކަހަލަ ލައިޓްތަކުން ދިއްލާލާފައެވެ. ގާޑަންވިއުގެ ރީތި ބަގީޗާގެ ތެރޭގައި ޔޫހާ ޒައުލްގެ އަތުގައި ހިފާލައިގެން ހުރެ ހިނގަމުންދިޔައެވެ. ތިރިތިރިކޮށް ވަށައިގެން ހައްދާފައިވާ ފިނިފެންމާ ގަސްތަކުގެ މެދުގައި ހުރި ފެންއަރުވާވަޑައިމަށް އެކިކުލައިގެ އަލިތައް އެޅެމުން ދިޔައިރު ނުހަނު ހިތްގައިމެވެ. އެހިސާބުގައި ކޮންމެވެސް ވަރަކަށް ޖޯޑު ޖޯޑަށް ޅަކުދިން ވާހަކައިގައި ތިބިތަންވެސް ޔޫހާ މެންނަށް ފެނުނެވެ. ދިގުކޮށް ހައްދާފައިވާ އެބަގީޗާގެ އެތެރެއަށް ހިނގަމުން ގޮސް މީހުން މަދުވެ ހޯލްގައި ޖަހަމުންދިޔަ ރީތި ހިތްގައިމު މިއުޒުގެ އަޑުނޫނީ ނުއިވޭ ހިސާބަށް ޒައުލް އާއިއެކު ޔޫހާ ދިޔައެވެ. އެތަނުގައި ތަންތަންކޮޅުގައި ޖަހާފައި ހުރި ދަނގަޑު ގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށް ޒައުލް ހިޔާލު ފާޅުކުރީ ދެނެވެ. ޔޫހާ ދެކޮޅު ހެދުމެއްނެތި އިށީނެވެ. އެހެންނަމަވެސް އޭނަ އިށީނީ ޒައުލްގެ ކައިރިއަކު ނޫނެވެ. އެދެމެދުގައި އިތުރު މީހަކަށް އިށީނދެވޭނެހާ ޖާގަ ހުއްޓެވެ. މިކަމުގެ ސަބަބުން ޒައުލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“އެސްތާ އެއީ ކާކުތޯ ނާހާނަންތަ” ޒައުލްއަށް ނާހާ ނީދެވިގެން އެންމެ ފަހުން ބުންޏެވެ.

“އަހަންނަށް އެނގުން މުހިއްމު މީހެއްތަ އެއީ” ޔޫހާގެ ޖަވާބު އައީ ސުވާލެއްހެންނެވެ.

“ޔޫހާ ކަންބޮޑުވާންޖެހޭވަރުގެ މީހެއްނޫން އެއީ، އެކަމަކު އެސްތާ އުޅުނުގޮތުން އަހަރެން ހީކުރީ ޔޫހާ ހިތްހަމަ ނުޖެހުނީކަމަށް…އަހަންނަށްވެސް ނޭގޭ އެސްތާ އައިސް އުޅޭކަމެއް” ޒައުލް ބުނެލިއެވެ.

“އެސްތާއަކީ ޒައުލްގެ ގާތްމީހެއްކަން އަހަންނަށް އޭނަ އުޅުނު ގޮތުންވެސް އެނގޭ، އެކަމަކު އެކަމާ އަހަރެން ހާހެއްނުވޭ” ޔޫހާ ދޮގެއް ހަދާލިއެވެ. އޭނަގެ އަމިއްލަ ހިތަށްވެސް އޮޅުވާލަން މަސައްކަތް ކުރީއެވެ. ހަގީގަތަކީ އެސްތާ ޒައުލްގެ ގައިގާ އަތްލާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ތަދުވިކަމެވެ. އެސްތާދެކެ ފޫހިވެ ރުޅި އާދެވުނުކަމެވެ. ނަމަވެސް އެކަން އޭނަ ޒައުލްއަށް ހާމަ ކުރަން ބޭނުންނުވީއެވެ.

“އެހެންތަ، އެހެން އަންހެނުން އައިސް އަހަންނާ އެހާ ގާތްކޮށް އުޅުނަސް ޔޫހާ އެކަން މަނައެއްނުކުރާނަންތަ…އެކަމަކު އަހަންނަށް ކެތެއްނުވާނެ އެހެންމީހަކު ޔޫހާގެ ގައިގަ މާގިނައިން އަތްލާތަނެއް ބަލާކަށް…” މިހެން ބުނެ ޒައުލް ޔޫހާގެ އަތުގައި އިނގިއްޔަކުން ފިރުމާލިއެވެ.

ޒައުލް ބުނި އެއްޗަކާއިމެދު ވިސްނާލަން ޔޫހާއަށް އިނދެވުނީއެވެ. ދެންވެސް ވާހަކަދެއްކީ ޒައުލްއެވެ. ވާހަކަދައްކަމުން މަޑުމަޑުން ޔޫހާގެ ކައިރިއަށް ޖެހެމުންދިޔައެވެ. އެކަން ޔޫހާއަށް ފާހަގަވިއެއްކަމަކު އެއްޗެއް ބުނަންނުކެރުނު ތަނުގައި ޒައުލްއަށް ބަލާލަންވެސް އޭނަ ފަސްޖެހިފައި އިނެވެ. އެގޮތަށް އޭނައަށް ކެތްކުރެވުނީ ޒައުލްގެ ފައި އޭނަގެ ފައިގައި ޖެހެންދެންނެވެ. ޒައުލް އަތްހިއްލާލަމުން ޔޫހާގެ ކޮނޑާ ދިމާލުން އަޅުވާލަން އުޅެނިކޮށް ކުއްލިއަކަށް ޔޫހާ ތެދުވެއްޖެއެވެ.

“ޔޫހާ ކީއްވެތަ އަހަންނާ ތިހާ ދުރުދުރުން ތިއުޅެނީ، އަހަރެން ނޫޅެމޭ ޔޫހާއަށް ކަމެއް ކުރާކަށް…ހީވީ ބިރުން ފުއްމައިގެން ދިޔައިރު އަހަރެންމީ އަރާކާއެއްޗެއްހެން” ޒައުލްވެސް ކުއްލިއަކަށް އެއްލި އަތުން ޔޫހާގެ އަތުގެ ކުޑަހުޅުގައި ހިފުމާއިއެކު ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން….” ޔޫހާ އަތްދަމައިގަންނަމުން މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލުމާއިއެކު ޒައުލްއަށް ފުރަގަސްދީފައި ބުނެލިއެވެ. އެއާއިއެކު ޒައުލްވެސް ގޮނޑިން ތެދުވެއްޖެއެވެ.

“އަހަރުމެން ކައިވެނި ކޮއްގެން ދެން އުޅޭނީ ކިހިނެއް…އެންމެ ކުޑަމިނުން އަހަރެން ޔޫހާގެ ކައިރީ އިށީނދެލައިގެންވެސް ނުވޭ…ޔޫހާގެ ގައިގަ އިނގިލި ކުރިޖައްސާލިއަސް މީހާ ބިރުން ތިދަނީ ސިހިސިހިގެން…ޔޫހާ…” ޒައުލް އޭނަ ބުނަމުންދިޔަ އެއްޗެއް ފުރިހަމަކުރަމުން ޔޫހާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލަން އުޅުފަވެސް އަތްދުރަށްލިއެވެ.

“އަހަރެން ގެއަށް ގެންގޮސްދޭންވީނު، މިހާރު ވަރަށް ލަސްވެއްޖެ” ޔޫހާ ބުނެލިއެވެ.

“ކިހިނެއްވީ އަހަރެން އެހެންބުނީމަ ހިތްހަމަނުޖެހުނީތަ، އެކަމަކު…ޔޫހާ، އަދި އެހާ ލަހެއްނުވެޔޭ…ޕާޓީއަށް އައިސް އެއްވެސް އެއްޗެއް ނުވެސް ކައި ތިހުރީ، ކޮންމެވެސް އެއްޗެއް ކައިލައިގެން ނޫންތަ ދާނީ” ޒައުލް ހުރީ ޔޫހާގެ ނިންމުމާއިމެދު ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ޔޫހާ ދެވަނަ ފަހަރަށްވެސް އެދުނީ އޭނަ ގެއަށް ގެންގޮސްދިނުމަށެވެ. ޒައުލް ޔޫހާއަށް މަޖުބޫރުކުރަން ބޭނުންނުވާތީ އޭނަ ބޭނުންވިގޮތަށް ގާޑަންވިއުއިން ނުކުމެ ގެއަށް ގެންގޮސް ދިނުމަށްޓަކައި ޔޫހާ ގޮވައިގެން ކާރާ ދިމާލަށް ދިޔައެވެ. ލައިގެން ހުރި ދިގު ހެދުމާއި އަރާފައި ހުރި އުސްފައިވާނާ އިސްތަށިގަނޑު ހަދާފައިވާގޮތުން އޭނައަށް އެކަންތައްތައްވީ ތަކުލީފަކަށެވެ. އަނެއްކޮޅުން ބަލާލާކޮންމެ ދިމާލަކުން ފެންނަނީ ޔޫހާ އާއި ރައްޓެހި މާހައުލެއްނޫނެވެ. އެމީހުންގެ އާދަކާދަތައް ތަފާތުވެފައި އެމީހުންގެ ތެރޭ ޔޫހާއަކީ މުޅިން ތަފާތު ދުނިޔެއަކުން އައިސްފައިވާ މީހެއްފަދައެވެ. ކާރުގެ ކުރީ ސީޓުގައި ޒައުލް އާއި ޖެހިގެން ޔޫހާ އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ.

“ޒައުލް އަހަރެން ލައްވާ ކުރުވަން މިއުޅެނީ ކޮންފަދަކަމެއް، މީ ދެއްކުންތެރިކަމެއްނޫންތަ؟ މިކަމުން އެއްވެސް ކަމެއް އެމީހުންނަކަށް ނޭގޭނެ، މީ ހަގީގަތެއްނޫން، އަހަރެންގެ ފެންވަރެއްވެސް ނޫން…ޒައުލް ކީއްވެތަ އަހަރެން އެހެންމީހަކަށް ހަދަން އެމަސައްކަތްކުރަނީ، އަހަރެން ބޭނުންގޮތަކަށް ދިރިއުޅުން ބައްޓަންކުރުމުގެ ފުރުޞަތެއްނެއްތަ، ޒައުލް އާއި ގުޅެން ބޭނުންނަމަ އަދާކުރަންޖެހޭ އަގަކީ އެއީތަ….އެހެންވިޔަސް ހެޔޮ، މީ އަދި މިކަންވާންވިގޮތެއްނޫން…” ކާރުގައި އިން ޔޫހާގެ ހިތަށްއަރަމުންދިޔައެވެ.

ކައިވެނި ޕާޓީ ނިމެންވާއިރަށް ޒައުލް އެނބުރި ގާޑަންވިއުއަށް އައެވެ. ހާޒިމް އާއި ލޫލުއާގެ ދެމަފިރިން ކައިވެނި ޕާޓީ ނިމުމާއިއެކު އެމީހުންގެ މަންޒިލެއްކަމުގައިވީ ހުޅުމާލޭގައި އަޅާފައި ހުރި ލަގްޒަރީ ހޮޓެލްގެ އެޕާޓްމެންޓެކެވެ. ހަނީމޫންގެ ދުވަސްތައް ހޭދަކޮއްލުމަށް ރާއްޖޭން ބޭރަށް ފުރަން ހަމަޖެހިފައިވާއިރު ފްލައިޓްގެ ގަޑި ހަމަޖެހުނީ ޖެހިގެން އޮތް ދުވަހުގެ ހެދުނަށެވެ. ދެއާއިލާގެ މެންބަރުންވެސް އަލަށް ކައިވެނި ކުރެވުނު ދެމަފިރިންނަށް މަރުޚަބާ ކިއުމާއި ވަދާއުގެ ސަލާމްކުރުމަށް ލޯންޗުއޮތް ދިމާލަށް ގޮސްތިއްބެވެ. ޒައުލް އާއި އީލާކް އެކުގައި ލޫލުއާ ހާޒިމްގެ އަތުގައި ހިފައިގެން ލޯންޗަށް އެރިމަންޒަރު ބަލަން ހުއްޓެވެ. ހުރިހާ ކަމަކަށްފަހު ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. ވެފަހުރި ވަރުބަލިން އެކަކަށްވެސް ޕާޓީގެ ތެރެއިން ޒައުލް އާއިއެކު ފެނުނު އަންހެނުން ކުއްޖާ އާއި ބެހެގޮތުން ސުވާލުކުރުމުގެ ޝައުގުވެރިކަމެއްނެތެވެ. އެކަން ފަސްކޮއްލާފައި ކޮންމެ މީހަކުވެސް ވަނީ އެމީހެއްގެ ކޮޓަރިއަށެވެ.

ނިތުގައި އަތްބާއްވާލައިގެން އެނދުގައި ޔޫހާ އޮތީ ފިކުރެއްގެ ތެރޭގައެވެ. ކައިރީގައި ދަރިފުޅު ކިޔާން ނިދާފައިއޮތެވެ. ޔޫހާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވެއެވެ. އެހެންއޮއްވާ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއަޑުއިވުނެވެ. ޔޫހާއަށް ޝާއިން ގެއަށް އައީކަން އެނގުނެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުހުޅުވާލަމުން ސިޓިން ރޫމަށް ނުކުތްއިރު ޝާއިން ކާކޮޓަރީ އާއި ދިމާލަށް ދަނީއެވެ.

“ޝާއިން…ޓަކި ޖަހާލީމަ ހީކުރި ކަމެއްބޭނުންވީއޭ” ޔޫހާ ޝާއިން ހުރި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“ނޫނޭ އަނެއްހެން ކަމެއްނެތް، މިރޭ ޔޫހާ ރީތިކަމުން އަހަރެންވެސް ހުރީ އަޖައިބުވެފަ…ވަރަށް ތަފާތު ވަރަށް ރީތި، ކުއްލިއަކަށް ޒައުލް އާއި ދެމީހުން ގެއްލުނީ ކިހިނެއްވީ؟” ޝާއިން ޔޫހާ އާއި ވާހަކަދައްކަމުން ކާކޮޓަރީ އާއި ދިމާލަށް އަނެއްކާވެސް ހިނގައިގަތެވެ. އަދި އެތަނުގައި ހުރި އައިސް އަލަމާރިން ފެންފުޅެއްނެގިއެވެ. އޭނަގެ ފަހަތުން އެތަނަށް ޔޫހާވެސް އައިއެވެ. އޭނަ ޝާއިންއަށް ޒައުލް ރާވާފައިވާ ރޭވުންތައް ކިޔާދޭންފެށިއެވެ. ޒައުލްގެ އާއިލާ އާއި ޔޫހާ އާއި ބައްދަލު ކުރާނޭގޮތުގެ ރޭވުންތަކެވެ. ނަމަވެސް އެކަންތައްތައް ޔޫހާއަށް ރަނގަޅުކަމަށް ނުފެންނަނީއެވެ. އޭނަ ދެކޮޅު ހެދީ އެހުރިހާ ކަމަކީ އޮޅުވާލުމަކަށްވާނެތީއެވެ. ކައިވެންޏާ ހަމައަށް އޮޅުވާލުމެއްގެ ތެރެއިން ދާން ބޭނުންނުވަނީއެވެ.

“ޔޫހާ…މިތާ އިށީނދެ ނިކަން ހަމަޖެހިބަލަ، ތިކަމާ ދެބަސްވެގެންދޯ ޕާޓީ ދޫކޮށް ދެމީހުން ދިޔައީ…ޒައުލް އެބުނަނީ މުޅިއަކުން ދޮގެއްވެސް ނޫންކަންނޭގެ، އަހަންނަށް އެނގޭ ޔޫހާ ޒައުލްދެކެ ލޯބިވާވަރު، އަދި އަމުދުން ކިޔާންގެ ބައްޕައަށް ޒައުލްވެފަ އޭނަ އާއި ކައިވެނި ކުރަން ޔޫހާ ބޭނުންވާނެކަން، އެކަމަކު…ސެކްރިފައިސްއެއް ވާންވެސް ޖެހޭނެދޯ” ޝާއިން ދައްކަމުންދިޔަ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.

“ކީއްވެތަ ކޮންމެފަހަރަކު އަހަރެން ސެކްރިފައިސް ވާންވީ” ޔޫހާ ކާމޭޒު ދޮށުގައި ޝާއިން އާއިއެކު އިށީނދެލައިގެން އިނދެ ބުނެލިއެވެ.

“ޒައުލްވެސް އެނަގަނީ ކިހާބޮޑު ރިސްކެއްތަ، އޭނަގެ އާއިލާ ގަބޫލުވާނެބާ ދަރިއަކު ހުރި މީހަކާ އިންނަން، ދެން އޮތްގޮތަކީ ކިޔާންއަކީ އޭނަގެ ދަރިއެކޭ އާއިލާގެ މެންބަރުން ގާތު ބުނުން، އޭރުންވެސް އެމީހުން ގަބޫލެއް ނުވާނެކަން އަހަންނަށް ހަމަ ޔަގީން، އެހެންވީމަ ޔޫހާ ބުނެބަލަ ޒައުލްގެ އާއިލާގެ މީހުން ރުއްސަން މިއަށްވުރެ ރަނގަޅު ރޭވުމެއްވާނަމަ” ޝާއިން ޖެހުނީ ޒައުލް އާއި އެއްކޮޅަށެވެ. އޭނަ ދެކުނު ގޮތުގައި އެއީ ޔޫހާއަށްވެސް އެންމެ ރަނގަޅު ފައިދާކުރަނިވި ގޮތްމެއެވެ.

ރޭގަނޑުގެ އަނދިރިކަން މަޑުމަޑުން ފަނޑުވަމުން އައިސް އިރު ފެނުން ތޮޅިލައިފިއެވެ. މުޅިން އާދުވަހަކަށް މީހުންތައް ހޭލައްވާލާ އެމީހުންގެ މަސައްކަތަށް ގޮވާލެވިފައިވާ ކަހަލައެވެ. މޯޅިއަށް ދެމިލަމުން ރޭގެ ބޮޑުބައެއްގައި ހޭލާ އުޅުނު ޒައުލް ފާހާނާއަށްވަނީ ފެންވަރާލުމަށެވެ. އޭރު ސުފުރާމަތީ އަތުރާފައިވާ ކާއެއްޗެއްސަށް އިންސާފުކުރަމުން ލާއިގާ އާއި މަންސޫރު ދިޔައެވެ.

“މަންމާ…އަޅުގަނޑަށް އެއްގޮތަކަށްވެސް ރޭގަ އެފެނުނު މަންޒަރުމަތިން ހަނދާންނައްތާ ނުލެވިގެން މިއުޅެނީ، އިސްކޮޅުން ކުރެއްކަމަކު ރީތި ސޫރައެއް ލިބިފައި ޖިންސުއްލަތީފެއް އެއީ، ޒައުލްގެ އެހޮވުމަކީ ހަގީގަތެއްނަމަ ވަރަށް ފުރިހަމައޭ އަޅުގަނޑު ބުނާނީ…” މަންސޫރު އާޝޯހުވެފައި އިންފަދަ ގޮތަކަށް ވާހަކަދައްކަމުންދިޔައެވެ. އޭނަ ރޭގެ ޕާޓީގައި ޒައުލްގެ އަތުގައި ހިފާލައިގެން އެއަންހެން ކުއްޖާ އައި މަންޒަރު ލޯކުރިމަތީ ސިފަކުރަން މަސައްކަތްކުރާ ކަހަލައެވެ.

“ޒައުލްގެ ޢަމަލުތައް ހުރިގޮތުން އަހަންނަށް ޔަގީން އޭނަ ރޭގަ ބޭނުންވީ އަހަރުމެންނަށް އެއަންހެން ކުއްޖާ ދައްކާލަންކަން، އެކަން އޭނަ ވަރަށް ފުރިހަމައަށް ކޮއްފި، އަހަރެންވެސް އަޖައިބުވި، އެކަމަކު އޭނަ އާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ޒައުލް ޙިއްޞާއެއްނުކުރި، ރޭގަ ވަރަށް ލަސްވިފަހުން ގެއަށް އާދެވުނީމަ ހިތަށްއެރީ މިއަދު އެހާ ހެނދުނާ އެކުދިންނަށް ނުގޮވާނަމޭ، ހޭލައިގެން ސައިބޯން އައި އިރަކުން ތިވާހަކަ ދައްކަން މިހުންނަނީ….އަހަރެން ހިތަށް އަރާ ކޮންގެއަކު ކުއްޖެއްބާއޭ އެއީ….” ލާއިގާވެސް ވިސްނަމުން ކަހަލަގޮތަކަށް ވާހަކަދެއްކިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *