“މިއަދު ކްލޭ ކުޅުނު ދުވަހެއްތަ؟” ކިޔާންގެ ޔުނީފޯމްގައި ކޮންމެވެސް ވަރަކަށް ކުލޭ ހޭކިފައިހުރިތަން ފެނުމުން ޝާއިން އަހާލިއެވެ. އެއާއިއެކު ކިޔާން އޭނަގެ ސޯޓުގެ ޖީބުން ނެގި ކުލޭކޮޅު ދައްކާލީ އުފަލުންނެވެ.
ޝާއިންގެ ސަމާލުކަން ކިޔާންއަށް ދެމުން ސްކޫލުން ނުކުންނަން ދަނިކޮށް ކުއްލިއަކަށް ކުރިމައްޗަށް މީހަކު އެރުމާއިއެކު ހުއްޓުން އަރާފައި ކިޔާންގެ އަތުގައި ބާރަށް ހިފާލަމުން ގަޔާއި ކައިރިކޮއްލެވުނީ އެކުއްޖާ ރައްކާތެރި ކުރާފަދަ ގޮތަކަށެވެ.
“ސޮރީ…” ޝާއިންގެ ކުރިމަތީ ހުރި ޒުވާން އަންހެން ކުއްޖާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އޭނަ ބެލީ ސްކޫލްގެ ތެރެއަށް ވަދެގެން ދެވޭތޯއެވެ. ފެންނަފެނުމަށް އޭނަގެ އަޑާއި ހަރަކާތްތަކުގައިވެސް ވަނީ އަވަސްއަރުވާލުމެވެ. އެހެންނަމަވެސް ޝާއިންއަށް އެހާ ކުޑަވަގުތު ކޮޅެއްގެ ތެރޭވެސް އެއަންހެން ކުއްޖާގެ މޫނަށް ވަރަށް ރަނގަޅަށް ނަޒަރުހިންގާލެވުނެވެ. ރީތި ސިފަތަކެއް އެއަންހެން ކުއްޖާއަށް ލިބިފައިވާކަމާއިމެދު އޭނަ ދެކޮޅެއް ނުހަދައެވެ. ފަސްއެނބުރި ބަލާލެވުނީވެސް އެއަންހެން ކުއްޖާ ދިޔަ ދިމާލެއް ބަލާލުމަށެވެ.
“އުފް….މިހިރަ ދަރިއެއްދޯ….މިއަދު ވަރަކަށް ދުވެލާފަހުރިކަން އެބައެނގޭ….ދަރިފުޅު ކައިރީ މަންމަ ބުނަމެއްނު ޔުނީފޯމް ޖީބަށް އެއްޗެހި ނާޅައްޗޭ، މަންމަ ކިހިނެއް މިކުލޭތައް ފިލުވާނީ…ކޮބާ ރުމާ” އާދައިގެ މަތިން ޔޫހާ ފެންނަ ކޮންމެ ފަހަރަކު ކިޔާން ދުވެފައި އައިސް އޭނަގެ ގައިގާ ބައްދާލާ އުސޫލުން ބައްދާލިއެވެ. އަދި ޔޫހާއަށް އޭނަގެ ދަރިފުޅު ހުރިގޮތްފެނި މިހެން ބުނެލެވުނެވެ.
“ތި އަދި ނިމުނީކީ ނޫން، އެސޮރު ލައިގެން ހުރި ސޯޓުގެ ޖީބު ބަލާލަ ބަލަ” ލާނެތް ގޮތަކަށް ހިނިއައިސްފައި ޝާއިން ބުނެލިއެވެ. ޔޫހާ އަވަސް އަވަހަށް ކިޔާންގެ ސޯޓުގެ ޖީބު ބަލާލިއެވެ. އަދި އެއްއަތުން ނިތުގައި ހިފަހައްޓާލާފައި ދެފަރަތަށް ބޯހޫރުވާލިއެވެ.
“މަންމި ކޮއްކޮދެކެ ރުޅިއައީތަ؟” ކިޔާންއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތް ފެނުމުން އަހާލެވުނެވެ.
“ކޮއްކޮދެކެ ރުޅިއައީކީ ނޫނޭ…ދަރިފުޅު ހަނދާންނެތިގެން ސްކޫލްގަ ރުމާ ބޭއްވުނީތަ” ޔޫހާ ކިޔާންގެ ޔުނީފޯމް ބަދަލުކުރުވަމުން ބުނެލިއެވެ.
“ކޮއްކޮ ފުރެންޑުގެ އަތްހަޑިވީމާ ފޮހެލަން ދިނީ، މަންމި ކޮއްކޮދެކެ ރުޅި އަންނާނަންތަ” ކިޔާންއަށް ހީވީ ޔޫހާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ހެންނެވެ.
“ސަހާދަތްފަދަ ތެދެއް މިބުނީ، މުއްސަނދި ދަރިއެއް މަގޭ މިހުންނަނީ، ހާދަ ކުދިންނަށް އެއްޗެހި ދޭހިތްވެޔޭ….ހިނގާ އަވަހަށް ސައިބޯން” ޔޫހާ އޭނަގެ ދަރިފުޅަށް ލިބިފައިވާ ސިފަތަކާއިމެދު ހައިރާންވާހާވެއެވެ. އެދަރިފުޅަކީ އެހެން ކުދިންނާއި ގުޅޭ ރަޙުމަތްތެރި އެކުދިންގެ އިޙްސާސްތަށް ދަންނަ އެމީހުންގެ އެދުން ކުރިއަށް ނެރޭ ދަރިއަކަށް ވީތީ އޭނަ އުފާކުރެއެވެ. އެހެންމަވެސް ބައެއް ފަހަރަށް ތަންކޮޅެއް ހަރަދުބޮޑުވަނީއެވެ.
މީހުންނާއިގެން އަބަދުވެސް ފުރިފައި އޮންނަތަނެއްކަމުގައި މާލޭގެ ސީހައުސް ރެސްޓޯރެންޓު ފާހަގަކުރެވެއެވެ. މިނިވަންފަޒާގެ ތެރޭ ހަވީރުގެ ފިނިފިނި ވައިރޯޅީގައި އެކުލެވިފައިވަނީ ލޮނުގެ އަސަރެވެ. ހުޅުމާލެއިން މާލެ އަންނަ މީހުންނާއި އަދި މާލޭން ހުޅުމާލެއަށް ދާމީހުންނާއިގެން ފެރީތަށް ނައްޓާލާ މަންޒަރާއި އަންނަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އެހެންމީހުންނާއި އެކަހެރިކޮށް މޭޒެއްގެ ދޮށުގައި ޒައުލް އިނެވެ. ކުރިމަތީ ހުރި ކޮފީތަށިން މަޑުމަޑުން އިނދެ އެތިފޮދެއް ބޮމުންދިޔައެވެ. އޭނަގެ ހުސްވަގުތަކީ އެއީއެވެ. އެތަނުގައި އެހެން ކިތަންމެ އިރެއްވަންދެންވެސް އިނދެދާނެއެވެ. މީހުންގެ ސަމާލުކަން ބައެއްފަހަރަށް ޒައުލްއަށް ހުއްޓުނުކަމުގައި ވިޔަސް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ.
ހަފްތާނިމިގެންދިޔައީ މާއަވަހަށްހެން ޔޫހާއަށް ހީވިއެވެ. މީހާއަށް ލިބެމުންދިޔަ ނުތަނަވަސްކަމާއިއެކު ނޭގޭބިރުވެރިކަމެއްވެސް އިޙްސާސްކުރެވެމުން ދިޔައެވެ. ޕާކްވިއުގެ ޑިއުޓީއަށް ދާންއޮތް ފުރަތަމަ ދުވަހަށްވުމުން ޑިއުޓީގަޑި ހަމަޖެހިފައި އޮތީ ހެނދުނަށެވެ. ޔޫހާ ލޯގަނޑު ކުރިމައްޗަށް ތިން ހަތަރު ފަހަރު ހުއްޓިފަވެސް އަނެއްކާވެސް ގޮސް އެނދުގައި އިށީނދެވެއެވެ. އިރުއިރުކޮޅާ އެނދުގައި ލޯބިކޮށް ފުންނިންޖަކުން ނިދާފައިއޮތް ކިޔާންއަށް ބަލާލެވެއެވެ.
“ޔޫހާ….ޔޫހާ….”ސިހުމެއްލިބުނީ ދޮރުގައި ޓަކިޖެހި ޝާއިންގެ އަޑު އިވުމުންނެވެ. ޔޫހާ އަވަސް ހިނގުމުގައި ގޮސް ދޮރުހުޅުވާލީ ކިޔާން ހޭލަފާނެތީއެވެ.
“އަދިވެސް ތައްޔާރު ނުވަންތަ؟ އަހަރެން ދިއުމުގެ ކުރިން ޔޫހާ ޕާކްވިއުއަށް ގެންގޮސްދޭންކަމަށް” ޝާއިން ބުނެލިއެވެ.
“ހާދަ ފޫއްސެކޭ މިވަނީ…މިނޫންގޮތެއް ހަމަނެއްބާއޭ ހިތަށް މިއަރަނީ” ޔޫހާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
“ކީއްކުރާނީ، ދެން މިވަގުތަށް ހުރިގޮތްކަމުގައި ހީކޮއްލައިގެން އަވަހަށް ތައްޔާރުވޭ، އަހަރެން ސިޓިން ރޫމުގައި މަޑުކޮއްލައިގެން މިއިނީ” ޝާއިން ޔޫހާގެ ކޮޓަރި ދޮރުކައިރިކޮއްލަމުން ބުނެލިއެވެ.
ޕާކްވިއުގެ ބޮޑުގޭޓުް ފެނުމުންވެސް ޔޫހާގެ ހަތަރެސްފައި ގަނޑުވާ ގޮތްވިއެވެ. ކުރިއަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އަނެއްކާވެސް އެނބުރި ބަލާލެވުނީ ސައިކަލުގައި މަޑުކޮއްލައިގެން އިން ޝާއިންއަށެވެ.
“އިޓްސް ގޮއިންޓުބީ އޯލްރައިޓް…” ޝާއިން ނިތްއަރުވާލަމުން ޔޫހާއަށްއަށް ބުނެލިއެވެ. އަދި ބޮލުން ކުރިއަށް ދިއުމަށް އިޝާރާތްކޮއްލިއެވެ.
އަތުގައި އޮތް ކުޑަދަބަހުގައި ބާރަށް ހިފާލުމާއިއެކު ފުންނޭވާއެއް ޔޫހާ ލިއެވެ. އަދި ކުރިއަށް ހިނގައިގަތީ ހުރިހާ ކަމެއް ހެއްދެވިފަރާތަށް ވަކީލުކުރާ ހާލުގައެވެ. އޭނަ ޖެހިލުންވެ ކަންބޮޑުވަނީ ޕާކްވިއު ހޮޓެލްގެ ހަތަރުފާރުން އެތެރެވުމާއިއެކު އޭނަގެ މާޒީ އެއްވެސް ރަހުމެއްނެތި ނިއުޅާލާނެކަން ޔަގީންވާތީއެވެ. އެއްވެސް ބާރަކާއިނުލާ އެދެލޮލުގެ އެސްފިޔަތަށް ތެތްމާލާ ކަރުނައިގެ ސައިލެއްފަދައިން އެދެކޯތާފަތުން ފައިބާ ކަރުނަައަށް ނިމުމެއް ނައިސްދާނެތީއެވެ. އެހެނީ ޔޫހާގެ ހިތުގެ ރިހުމާ ވޭން ގުޅިފައިވަނީ ޒައުލް އާއިކަމަށް ވީކަމެވެ. ނުފިލާ އެހަނދާންތައް ޔޫހާގެ ހިތުގައި ބިންވަޅުނެގިފައިވެއެވެ. ހަށިގަނޑުގައި ޖެހިފައިވާ ބޮޑުލައްގަނޑެއްކަމުގައި އެމާޒީވަނީ ވެފައެވެ. އެހިތާމަތަކުން އަރައިގެންނަން އޭނަ ކުރިހާ މަސައްކަތެއް ފެނެއްވަނީބާއޭ އޭނަގެ ޒަމީރާއި ސުވާލުކުރަމުން ޕާކްވިއު ހޮޓެލްގެ ލޮބީއަށް ޔޫހާ ވަނެވެ.
“އެޗް.އާރް ޑިޕާރޓްމެންޓު ކޮބާތޯ…” ވާހަކަދެއްކުމައްޓަކައި އަޑުނެރުމަށްވެސް ޔޫހާއަށް މުޅިހަށިގަނޑުގައިވާ ހުރިހާ ބާރެއް ބޭނުންކުރަން ޖެހުނުކަހަލައެވެ. ރިސެޕްޝަންގައި ތިބި ޒުވާން ދެއަންހެން ކުއްދިންގެ ތެރެއިން އެއްކުއްޖަކު ޔޫހާއަށް ދާންވީގޮތް ކިޔާދިނެވެ.
ލިފްޓުން ދެވަނަ ފަންގިފިލާއަށް ޔޫހާ ނުކުތުމާއިއެކު ކަނާތްފަރާތުން ބިއްލޫރިދޮރެއް ފެނުނެވެ. ފުސްކަމެއް ހުރުމުގެ ސަބަބުން އެތެރެނުފެނުނު ކަމުގައިވިޔަސް ޔޫހާ މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެތަނުގެ ތެރޭ އެކިއެކި ބައިބަޔަށް ޕާޓިޝަންތައް ޖަހާ ވަކިކޮއްފައި ހުއްޓެވެ. ދޮރުކައިރީ ކުޑަކުޑަ ކައުންޓަރެއްގައި އަންހެން ކުއްޖަކުވެސް އިނެވެ. އޭނަގެ ގާތުން ޔޫހާ ބައްދަލު ކުރަން ހަމަޖެހިފައިވާ ފައުޒީގެ ނަން ބުނެލިއެވެ. އެއާއިއެކު އެއަންހެން ކުއްޖާ ޔޫހާގެ ނަންއަހާލާފައި ކައުންޓަރު ކުރިމަތީ ހުރި ބެންޗުގޮނޑީގައި އިށީނުމަށް އެދެމުން ހިނގައިގަތީ އެތެރެއަށެވެ.
“އާދޭ…” ކައުންޓަރުގައި އިން އަންހެން ކުއްޖާ އެނބުރި އައިސް ޔޫހާއަށް ބުނެލިއެވެ. އޭނަގެ ފަހަތުން ޔޫހާ ގޮސް ފައުޒީގެ ކެބިންއަށް ވަނެވެ.
ވަޒީފާގެ ޤަވަޢިދުތަށް ފައުޒީ ޔޫހާއަށް ކިޔާދެމުންދިޔައެވެ. އަދި ޔުނީފޯމް އަޅަންވީ ގޮތާއި އަލަށް އުފެދުނު ޤަވަޢިދުތައްވެސް ޔޫހާއަށް އޮޅުންފިލުވާދިނެވެ. ޔޫހާގެ ހާސްކަން ވަކި ކުޑައެއްނުވެއެވެ. ޒައުލް އާއި ބައްދަލު ކުރަންވެސް ޖެހޭނެ ކަމުގައި އޭނައަށް ހީވިއެވެ. ނަމަވެސް ފައުޒީގެ ވާހަކަތައް ނިމި ހޮޓެލްގެ އެކިތަންތަން ޔޫހާއަށް ދައްކާލުމަށްޓަކައި އެކެބިން އިން ޔޫހާ ނުކުތްއިރުވެސް ޒައުލް އާއި ބައްދަލު ކުރާކަހަލަ ވާހަކައެއް ފައުޒީ ނުދެއްކިއެވެ. އަދިވަކިން ކަންބޮޑުވީ އެހެންވެއެވެ. ޒައުލް ގެ ބޭނުމަކީ ކޮބާކަން އޭނައަށް ނޭގޭތީއެވެ. އެތަނަށް އޭނަ ބަދަލުކުރުމުގައި ޒައުލްގެ އަތެއްވާކަން އޭނައަށް ޔަގީންވެއެވެ. އެކަމަކު އެހެން ބުނާނެހާ ހިތްވަރެއް އޭނަގެ ނެތެވެ. އެންމެ ކުޑަމިނުން ޒައުލްއާއި ކުރިމަތިލާނެހާ ހިތްވަރެއްވެސް ޔޫހާގެ ނެތެވެ.
ޕާކްވިއު ހޮޓެލްގެ ޔުނީފޯމްގައި ހުރި ޔޫހާ އެތަނުގެ ހުރިހާ މުވައްޒަފުންނަށް ތަޢާރަފްކޮއްދެމުންދިޔައީ ފައުޒީއެވެ. ފަނަަރަ ބުރީގެ އެއިމާރާތުގައި ތިންފަންގިފިލާއެއްގައި ރިސެޕްޝަން ކައުންޓަރު ވެއެވެ. ޔޫހާ އިންނަން ޖެހުނީ ބާރަވަނަ ބުރީގައި ހުރި ރިސެޕްޝަން ކައުންޓަރުގައެވެ. ކީއްވެކަމެއްނޭގެއެވެ. އިރުއިރުކޮޅާ ވަށައިގެން ހޯދާލެވެއެވެ. ޒައުލް ހުރެދާނެކަމަށް ހީވެގެންނެވެ.
މެންދުރުގެ ވަގުތެވެ. ޔޫހާގެ ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ވަރަށް މަދުފަހަރަކު ކުރިމައްޗަށް ވާކަހަލަ ގޮތަށް ހުރި ލިފްޓު ހުޅުވިގެންދާއަޑުއިވޭނެއެވެ. އިތުރު އެއްވެސް ކަމެއްނެތެވެ. ކައިރީގައި ޔޫހާ އާއިއެކު އިން ކުއްޖާގެ ކަމަކީ އިނގިރޭސި ވާހަކަފޮތެއް ކިއުމެވެ. ޔޫހާއަކީ އެތަނަށް މުޅިން އާސާޓަފަކަށް ވެފައި ޑިއުޓީއަށް ނުކުތް ފުރަތަމަ ދުވަސްވީމާ އެއްވެސް ރަޙުމަތްތެރިއަކު އަދި ނެތެވެ. ކައިރީގައި އިން ކުއްޖާގެ ޔުނީފޯމްގައި ހަރުކޮއްފައިވާ ނަންކޮޅުގައި ޝެލީން ޖަހާފައި ވެއެވެ. ފޫހިކަމާއިއެކު ޔޫހާ އޭނަގެ މޯބައިލް ފޯނުނަގާ ޝާއިންއަށް ގުޅާލިއެވެ. ސިއްރު ސިއްރުން ވާހަކަދެއްކިއެވެ.
ހުޅުވިގެންދިޔަ ލިފްޓާއިއެކު އެދިމާލަށް ޔޫހާއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް ކަނދުރާ އާއި އަތުގައި ހުރި ލޯލިތަށް ހަރުކަށިވެގެން ދިޔައީ އެލިފްޓުގެ ތެރެއިން ނުކުތް ޒައުލް ފެނުމުންނެވެ. ޔޫހާއަށް އިސްދަށަށްޖަހާލެވުނީ ޒައުލްއާއި އޭނަގެ ލޯއަމާޒުވިޔަނުދިނުމަށްޓަކައެވެ. ޒައުލް ފެނުމުން ކައިރީގައި އިން ޝެލީން އަވަސް އަވަހަށް ކިޔަންއިން ފޮތްލައްޕާލަމުން ގޮނޑިން ތެދުވިއެވެ. އަދި އިނގިރޭސި ބަހުން ޒައުލްއަށް މުޙާތަބުކުރިއެވެ. ޔޫހާގެ ދޫހަރަކާތްނުކުރި ކަމުގައި ވިޔަސް ޝެލީން ތެދުވުމާއިއެކު އޭނައަށްވެސް ތެދުވެވުނެވެ.
ޝެލީންއަށް ބޯޖަހާލި ޒައުލްގެ މޫނުމަތީގައި އެއްވެސް އަސަރެއްނުވެއެވެ. އެކަމަކު އޭނަގެ ހަށިގަނޑަށްވެސް ގޮތްތަކެއްވެގެންދިޔަކަށް ހުދުއޭނައަށްވެސް އިޙްސާސްކުރެވިގެންދިޔައެވެ. އަދި ޔޫހާ އާއި އެނަޒަރުވަކިކޮށްނުލެވުނެވެ. އެއީ ފޫހިނުވާނެހާ ހިތްގައިމު ރީތިކަމެކެވެ. އަދިވެސް އެމަޑުމައިތިރި ކަމާއި އެހަމަހިމޭންކަމެވެ. އެހެންނަމަވެސް އެދެތުންފަތުގައިވި ތުރުތުރުލުން ޒައުލްއަށް ނަގައިގަނެވުނެވެ. އަދި އަމިއްލައަށް ސުވާލުކޮއްލެވުނެވެ. ޔޫހާ އޭނައަށް ފެންނަ ހިސާބަށް ގެނެއައީ ކީއްކުރަން ހެއްޔެވެ. އެހަނދާންތަށް ފޮހެލަން ބޭނުންވާއިރު އެހަނދާންތަކާއި ގާތަށް ފިޔަވަޅު އެޅެންވީ ކީއްވެހެއްޔެވެ. އެދެމެދުގައި ނުފެންނަ ބާރެއްވާކަހަލައެވެ. ޝެލީންގެ އަޑު އަނެއްކާވެސް ޒައުލްގެ ކަންފަތުގައި ޖެހުމާއިއެކު ވަކިއެއްޗެއް ނުބުނެ ހިނގައިގަތީ މައްޗަށް އަރަން ހުރި ސިޑިއާއި ދިމާލަށެވެ.
“ބޮސް އާއި ދިމާވިތަ؟” ޒައުލް ގެއްލުމާއިއެކު ފުރަތަމަ ފަހަރަށް ޝެލީން ވާހަކަދެއްކިއެވެ.
“ނޫން…މިއަށްވުރެ މައްޗަށް ލިފްޓު ނުދޭތަ” ޔޫހާ ޔަގީންކޮއްލަން ބޭނުންވިއެވެ.
“ލިފްޓުން ޓެރެސްއަށްވެސް އެރޭނެ…ކިހިނެތްވީ؟” ޝެލީން އަހާލިއެވެ.
“ބޮސް ލިފްޓުން މައްޗަށް ނުގޮސް ސިޑިން އަރަން ދިޔައީމަ” ޔުހާއަށް ހީވީ ހަމަރަނގަޅަށެވެ. ޒައުލް އެއައީ އޭނަ ދެކެލުމަށެވެ. އެކަމަކު ކީއްވެ ހެއްޔެވެ. އަދިވެސް އޭނަ ޔޫހާ ދެކެން ބޭނުންވޭ ހެއްޔެވެ. ނޫނީ އަދިވެސް ދޭންބޭނުންވާ އިތުރު ހިތްދަތިކަމެއް އޮތީ ބާއެވެ. އެތަކެއް އަހަރުތަކަށްފަހުވެސް ތަޤްދީރު އޭނައާއިމެދު ހަމްދަރުދީއެއްނުވިއެވެ. މިއަދު އޭނަގެ ދިރިއުޅުމަށްޓަކައި އޭނަގެ ދަރިފުޅުގެ މުސްތަޤުބަލަށްތަކައި ހިޔާރުކުރި ވަޒީފާ މިވީ އަމިއްލަ ކަރަށް މަހާލެވުނު މަޅިއަކަށެވެ. އެމަޅިއަށް ވާންވާނެ އިރެއް ޔޫހާއަކަށް ނޭގެއެވެ. އެކަމަކު ދެވަނަ ފަހަރަށް ޒައުލްގެ މަކަރުވެރި ރޭވުންތަކުގައި އޭނަގެ ދިރިއުޅުން ހަލާކުވެގެންދާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އަދި އަމުދުން މިހާރު އޭނަގެ ހަގީގަތް އެނގި ލޮލަށް ފެނި ސާފުވެއްޖެއެވެ. ޒައުލްގެ ދިރިއުޅުމުން އޭނަފަދަ ނިކަމެތި އަންހެން ކުއްޖަކަށް ޖާގަނުލިބުނީ ކީއްވެކަންވެސް މިހާރު ޔޫހާއަށް އެނގިޖެއެވެ. ޔޫހާފަދަ ކިތަށް އަންހެން ކުދިންގެ ހިތް ޒައުލް ހަލާކުކޮއްލާފަ ވާނެބާއޭ ޔޫހާގެ ހިތަށްއެރިއެވެ.
“ކީއްވެތަ ޒައުލް، އަދިވެސް އަހަރެންގެ ނިކަމެތިކަމަށް ދޫކޮއްލާކަށް ނުވޭތަ…މިދުނިޔެއާއި ހަނގުރާމަ ކުރާނެހާ ހިތްވަރެއް އަހަރެންގެ ދެނެއްނެތް، އަހަންނަށް ދެވުނު ހިތްދަތިކަން ކުޑައީތަ…” ޔޫހާގެ ހިތް ރޯލިއެވެ.
އޮފީސް ނިންމާފައި ގެއަށް ދިޔައިރު ޔޫހާގެ މުޅި ދުވަސް ހަރާބުވެފައިވެއެވެ. ޒައުލްދެކެ ރުޅި އަންނަވަރަކަށް އެދެލޮލަށް ކަރުނަ ޖަމާވާން ފަށައެވެ. އެހެންނަމަވެސް އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދީ ހިފަހައްޓަން ޔޫހާ މަސައްކަތްކުރިއެވެ. ޔޫހާގެ ސިކުނޑީގެ ނާރުތައް ފިތެމުންދާފަދަ އިޙްސާސްތައް ކުރެވިގެންދިޔައެވެ. ދެން ދުވަހަކުވެސް ޕާކްވިއު ހޮޓަލްއަށް ނުދާން ޔޫހާ ބޭނުންވިއެވެ. އަމިއްލައަށް ސިޓީ ލައިގެން ކުރިން ހުރި ހޮޓަލަށް ބަދަލުވާން އޭނަ ގަސްދުކުރިއެވެ. ކޮންމެ ދުވަހަކު ޒައުލް ފެންނަން ވެއްޖެނަމަ ޔޫހާ މޮޔަވެދާނެއެވެ.
ރޭގަނޑުގެ ކެއުމުގައި މަންސޫރުގެ ހުރިހާ ދަރިންވެސް ބައިވެރިވިއެވެ. ދުވަހުގެ އެކިއެކި ކަންތައްތަކާއި ބޭހޭ ގޮތުން ވާހަކަދެކެވެމުންދިޔައެވެ. އީލާކްގެ ހެދުންފަރުމާތައް ދައްކާލުމަށް ބާއްވަން ހަމެޖެހިފައިވާ ޝޯގެ ކަންތައްތަކާއި އެހީތެރި ވުމަށް އޭނަގެ ރަޙުމަތްތެރިން ގެއަށް ގެނައުމުގެ ހުއްދައަކަށް މާމަ ލާއިގާގެ ގާތުން އެދުނެވެ. މަންސޫރު އޭނަގެ ކުންފުނީގެ ޒަމާންވީ ވަކީލު ސަމަދު ބައްދަލުކޮއްލުމަށް އެދިފައިއޮތް ވާހަކަ ޒައުލްގެ ގާތުގައި ބުނެލިއެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި އޭނަ އަންނައިރު މަންސޫރު އާއިއެކު ޒައުލް އެބައްދަލުވުމުގައި ބައިވެރި ވުމަށް އެދުނެވެ.
“ކިހިނެއްތޯ ވީ ކުއްލިއަކަށް ކޮމްޕެނީ ލޯޔަރ ބައްދަލު ކުރަން އެބޭނުންވީ…” ޒައުލް ސުވާލުކޮއްލިއެވެ.
“އަމިއްލަ ވާހަކައެއް ދައްކާލުމަށާއި، އެވާހަކަ އާއި ކޮމްޕެނީ އާއި ގުޅުމެއްވާކަންވެސް ބުނި….ދެން ތަފްޞީލު ވާނީ މާދަން ބައްދަލު ކޮއްލުމުން، އެހެންވެ ދަރިފުޅު ގާތު މިބުނީ ބައްޕަ އާއިއެކު އެގަޑީގަ ގޭގަ މަޑުކޮއްލަދެއްޗޭ” މަންސޫރު ޒައުލްއަށް ބަލާލާފައި ޖަވާބުދިނެވެ.
ލާއިގާގެ ސަމާލުކަން ބޮޑަށް ދެވިފައިވަނީ ކާމޭޒުކައިރީ ތިބި އަންހެން ދެދަރިންނަށެވެ. ބަސްމަދުކަމަށް ފާހަގަ ކުރެވޭ ލޫލުއާ އާއި އެކި ސުވާލުތައް ލާއިގާ ކުރަމުންދިޔައެވެ. އެންމެ ދޮށީ ކުއްޖާއަށްވެފައި އަދިވެސް ދިރިއުޅުމަކާއިމެދު ނުވިސްނާތީ އެކަމާ ސުވާލު ކުރިއެވެ. ލާއިގާގެ އެއްފަރާތުގައި އިން އީލާކް މާމަގެ އެވާހަކައިން އޭނަގެ ދޮންތައާއި ދިމާކޮއްލިއެވެ.
“މާމަ ކަންބޮޑުވެލައްވަނީ ދޮންތަ ބޯއީ ފުރެންޑެއް ނުގެންގުޅޭތީ…..ދޮންތަކަހަލަ ޑޮކްޓަރ ބޯއީ ފުރެންޑެއް ހޯދަބަލަ….” އީލާކް ބުނެލިއެވެ. ލޫލުއާގެ މޫނުން ކޮއްކޮގެ އެސަމާސާގެ ސަބަބުން ލަދުވެތިކަން ވެރިވިތަން ފެނުނެވެ.
“މީ ވަރަށް ލާނެތް ކުއްޖެއް…” ލޫލުއާ އީލާކްއަށް ލޯއަޅާލަމުން ބުނެލިއެވެ.
ލޫލުއާ އަކީ ފެށުނީއްސުރެންވެސް މީހުންގެ ތެރޭ މާގިނަ ވާހަކަދައްކާ ކުއްޖެއްނޫނެވެ. އޭނަގެ އިޙްސާސްތައް ދެނެގަންނަން އުނދަގޫވަނީ އެހެންވެއެވެ. ނަމަވެސް އޭނައަކީ އޭނަކުރާ ކޮންމެ ކަމަކުން ކުރިއެރުން ހޯދާ ޒުވާން ޖިންސުއްލަތީފެކެވެ. މޮޅު ޑޮކްޓަރަށް ވުމީ އޭނަގެ ތުއްތު އިރުއްސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. މިއަދު އޭނައަށް ހުރިހާ އުފަލެއް ލިބިގެންވެއެވެ. ނަމަވެސް އާއިލާގެ ތެރޭގައި ހިނގާދިޔަ ކަޅު ބަނަދުވަސްތައްވެސް އެންމެ ރަނގަޅަށް ހަނދާންހުރި ކުއްޖަކީވެސް ލޫލުއާއެވެ.
ޔޫހާއަށް ދަރިފުޅުގެ ކަންތައްތަކުން މިންޖުވެވޭވަރުވީ އަށެއްޖަހަން އުޅެނިކޮށެވެ. އޭއީވެސް ކިޔާން ނިދުމުންނެވެ. ދެން އަވަސްވެ ގަތީ ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމަށެވެ. ޔޫހާ އޭނައަށް ވީވަރަކުން ޝާއިން އާއި އަފްލީންގެ ކަންތައްތައް ބަލަހައްޓާދެއެވެ. ގޭތެރޭގެ މަސައްކަތްތައް ކުރެއެވެ. އޭނައަކީ ހީވާގި އަންހެނެކެވެ. ވާޅަށްވެސް ތަނެއްގައި މަޑުކޮއްލާނީ ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެފައެވެ. ޔޫހާ އެހެން ނޫޅޭނަމަ އަފްލީން އާއި ޝާއިންގެ ދިރިއުޅުންވެސް އެހާ ހަމެޖެހޭ ދިރިއުޅުމަކަށްނުވީހެވެ. އަފްލީންއަކީ ކިޔަވާ ކުއްޖަކަށްވެފަ ޝާއިންއަކީ ގޭގައި ހަމައެކަނި މަސައްކަތް ކުރަން ހުރި ފަރާތަށް ވީއިރު ގޭތެރޭގެ ކަންތައްތަށް އެދެމީހުން ކުރަންވީމަ އޮންނާނީ ގިނަފަހަރަށް ނުވެފަކަން އޭނައަށް އެނގެއެވެ. ހުދު ޔޫހާއަށް އެމީހުން ކޮއްދޭކަންތައްތައްވެސް ކުޑައެއްނޫނެވެ. ޑިއުޓީގައި އުޅޭ ގިނަވަގުތުތަކުގައި ދަރިފުޅު ކިޔާން ބަލާދެނީ އަފްލީންއެވެ. ކިޔާން ބަލާ ސްކޫލު ދޮށަށް ކޮންމެ ދުވަހަކުހެން ދާނީ ޝާއިންއެވެ. އެދޭތެރެއިން ޖެހިގެން ހުންނަގޭ ނައީމާގެ އެހީތެރިކަމުގެ އަތެއްވެސް ޔޫހާއަށް ފޯރުކޮއްދެއެވެ. އާމުކޮށް ހެނދުނު ގަޑިއަކީ އެތިންމީހުންނަށްވެސް ވަރަށް ދަތިވާ ގަޑިއެކެވެ. ކިޔާން ބަލާނެ މީހަކު ނުހުންނާތީ ގިނަފަހަރަށް ދަނީ ނައީމާގެ ގާތުގައި ބަހައްޓާލާފައެވެ. އެފަދަ ދުވަސްދުވަހު ކިޔާން ގެއަށް ގެނެސްދެނީ އަފްލީން މެންދުރު ސްކޫލް ނިމިގެން އަންނައިރުއެވެ. އިންސާނުންނަކީ އެކަކު އަނެކަކުގެ އެހީބޭނުންވާ ބައެކެވެ. އެކަކު އަނެކަކުގެ އެކުވެރިކަމާއި ހިތްހެޔޮކަން ބޭނުންވާބައެވެ. ޔޫހާގެ ހިތްހެޔޮ ކަމީ އޭނަގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުންވެސް އެފަދަ ސިފަތަށް ފެނިގެންދާ އެއްކަމެވެ.
މުޅިން އާދުވަހެކެވެ. ޔޫހާ ފޫހިކަމާއިއެކު ތައްޔާރުވަމުންދިޔައެވެ. ޝާއިން އޭރު ސައިބޮނީއެވެ. އަފްލީންއަށް ގޮވާނެގުމަށްފަހު ކަންތައްތައް ކުރަންވީ ގޮތް އާދައިގެމަތިން ޔޫހާވަނީ ކިޔާދީފައެވެ. ޔޫހާ އާއި ޝާއިންއަށް އަފްލީންއަށްވުރެ ކުރިން ގޭން ނުކުންނަންޖެހެއެވެ. އެހެންވެ ދެންހުންނަ ކަންތައްތައް ދޫކޮއްލަނީ އަފްލީންގެ އަތްމައްޗަށެވެ. އަބަދުވެސް އެންމެންގެ ޒިންމާތައް ހިމެނިފައިވާ ތަވާލެއް އައިސްއަލަމާރި ކައިރީ ފާރުގައި ހަރުކޮއްފައި ހުރެއެވެ.
“ޔޫހާ…ކޮބާ ނިމުނީތަ…އަހަރެން ސައިވެސް ބޮއެ ނިމިއްޖެ” ޝާއިން ޔޫހާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަހާލިއެވެ.
“މިނިމުނީ…” ޔޫހާ އެނދުގައި ނިދާފައި އޮތް ކިޔާންގެ ނިތުގައި ބޮސްދީފައި ރީތިވާ މޭޒުމަތީ އޮތް އޭނަގެ އަތްދަބަސް ނަގަމުން ބުނެލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
“އަފޫ ދަނީ…” ޝާއިން އާއި ޔޫހާއަށް އެކުއެކީހެން ބުނެލެވުނެވެ. އަދި ދެމީހުން އެކުގައި ގޭން ނުކުމެގެން ދިޔައެވެ.
ދުވަހުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ. ހޮޓެލްގެ ރެސްޓޯރެންޓުގައި ސްޓާފުންނަށް ވަކި މެނޫތަކެއް ތައްޔާރު ކުރެވިފައި ހުރެއެވެ. ކޮންމެ ގަޑިއެއްގައިވެސް ކޮފީ ފަދަ ބުއިންތަކާއިއެކު ކެވޭނޭ އިންތިޒާމް ހަމަޖައްސާފައިއޮވެއެވެ. ނަމަވެސް އެތަނަށް ދާނެ ވަގުތު ލިބެނީ ވަރަށް މަދު ސްޓާފަކަށެވެ. ފައުޒީ ހެނދުނުގެ ސައި ނިންމާލާފައި އޭނަގެ ކެބިންއަށް އައިއިރު ޔޫހާ އޭނަގެ ކެބިންގެ ބޭރުގައި އިށީނދެލައިގެން އިންތަންފެނުނެވެ. އަދި ސުވާލު ކުރުމުން އޭނަ އާއި ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ.
“އާން…ދެން ބުނަބަލަ…” ކެބިންއަށް ވަދެވުމާއިއެކު ފައުޒީއާއި ބައްދަލު ކުރުމަށް ޔޫހާ ބޭނުންވި ސަބަބެއް އޮޅުންފިލުވަމަށް އޭނަ އަހާލިއެވެ.
“އަޅުގަނޑު ބޭނުންވަނީ މިހޮޓެލް އިން އެހެން ހޮޓެލްއަކަށް ބަދަލުވާން…” ޔޫހާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ކިހިނެއްވީ، މިތަން ކަމުނުދަނީ ކީއްވެ…ޔޫހާ ދޯ ކިޔަނީ…އާމުކޮށް އެހެން ހޮޓެލްތަކުގައި މަސައްކަތްކުރާ ކުދިން ބަލަނީ މީ ރަނުގެ ފުރުޞަތެއްކަމަށް، ޓޮފް ސްޓާފުންގެ ތެރެއިންވެސް ހޮވާލެވޭ ބައެއް ޕާކްވިއު ހޮޓެލަށް އައުމަށް ޗާންސް ދެވެނީ…” ފައުޒީ ހައިރާންކަމާއިއެކު ބުނެލިއެވެ.
“އެއްވެސް ޗާންސްއެއް ނެއްތޯ އަޅުގަނޑު އެހެން ހޮޓަލަކަށް ޓްރާންސްފާ ވުމުގެ” ޔޫހާ އަނެއްކާވެސް އެދުނީ ހަމައެއްކަމަކަށެވެ.
“މްމްމް…ގަބޫލުކުރެވޭވަރުގެ ރަނގަޅު އުޒުރެއްނޫނީ، ސަބަބެއް ޔޫހާ އަހަންނަށް ދައްކައިފިއްޔާ ތިކަމަށް އިތުރަށް އަހަރެން ވިސްނާނަން” ފައުޒީ ފުންނަޒަރަކުން ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު އިރުކޮޅަކަށް ޔޫހާ ހިމޭންވިއެވެ. އޭނަ ދައްކަން އޮތް އުޒުރަކީވެސް ސަބަބަކީވެސް ޒައުލްއެވެ. އެކަމަކު އޭނަގެ ކުރިމަތީގަވެސް އިނީ ޒައުލްގެ މުވައްޒަފެކެވެ. އޭނައަށް ކުރެވޭނެކަމެއް ނޯންނާނެކަން ޔޫހާއަށް ވިސްނުނީ ދެނެވެ. ޒައުލްގެ ބާރަކީ ކޮބާކަން އޭނައަށް ވިސްނާނުލެވުނީއެވެ. ދެތިންފަހަރަކު އެއްޗެއް ބުނަން އުޅެފަވެސް ބޭކާރު ބަހެއް ދުލުން ބޭރުނުކުރަންވެގެން މަޑުމަޑުން ޔޫހާ އިނެވެ.
“ކިހިނެއްވީ، ނޯ ރީޒަންތަ…ވެލް، ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް…ހާއްޞަކޮށް މިހޮޓެލްގަ އެއްވެސް ސްޓާފަކު ވަގުތު ބޭކާރު ކުރާކަން އެނގިއްޖެނަމަ އެކަމާ ފިޔަވަޅު އެޅޭނެ…ޔޫހާއަށް މިތަނުގެ ގައިވައިދުތައް ވަރަށް އާވެފަ މިމާހައުލަށް ހޭނެން ދުވަސްކޮޅެއްނަގާނެ، ކުދި ކުދި ކަންތައްތަކާ މިގޮތަށް ބައްދަލު ކުރަން އައުން އެއީ ރަނގަޅުކަމެއްނޫން…އިތުރު ވާހަކައެއް ބުނަންވެފަ ނެތިއްޔާ އަވަހަށް ޑިއުޓީއަށް އެނބުރި ދާންވީނު…” ފައުޒީގެ ވާހަކަތަކުން ޔޫހާ އައީ ބޭކާރު ކަމެއްގައިކަން ފާހަގަވިއެވެ. އެކަމުގައި އޭނަގެ ކުށެއްވެސް ނެތެވެ.
މަންސޫރު އާއި ބައްދަލުކުރުމަށް ސަމަދު އައިއިރު ޒައުލްވެސް މަންސޫރު އާއިއެކު ޓެރެސްގެ ހިޔާކުރެވިފައިވާ ތަނުގައި ބަހައްޓާފައި ހުރި ސޯފާސެޓުގައި އިށީނދެލައިގެން އިނެވެ. އެދެބަފައިންނަށްވެސް އިތުރު ހައިރާންކަމެއް ލިބުނީ ސަމަދު އާއިއެކު އިތުރު މީހަކު އަންނަކަން އެނގިފައި ނުވުމުންނެވެ. މަންސޫރާއި ޒައުލް އެކުއެކީހެން ތެދުވެ ސަމަދު އާއި އޭނަ އާއިއެކު ހުރި ޒުވާނާ އާއި ސަލާމްކުރިއެވެ.
“ކުއްލިގޮތަކަށް ބައްދަލުކޮއްލަން ބޭނުންވީ ކިހިނެއްވީތޯ” މަންސޫރު ވާހަކަ ދައްކަންފެށިއެވެ.
“މާބޮޑުކަމެއްނުވޭ، އެހެންނަމަވެސް އަޅުގަނޑުވެސް މިހާރު ބޭނުންވަނީ ޒުވާންޖީލަށް ތަންދީފައި އުމުރުގެ ބާކީ އޮތް ދުވަސްކޮޅު ގޭގައި މަޑުކޮއްލުމަށް…މަންސޫރު، ޒައުލް…މީ އަޅުގަނޑުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހާޒިމް، މިއައީ މަންސޫރު ކައިރިން ކަމަކަށް އެދިލައްވަންކަމަށް…” ސަމަދުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް މަންސޫރަށް ނަގައިގަނެވުނުކަމުގައި ވިޔަސް ސިދާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައި ވަކިއެއްޗެއް ނުބުނެ މަންސޫރު އިންނެވިއެވެ. ސަމަދުއަށް އޭނަގެ ވާހަކަ ކުރިއަށް ގެންދަންވީކަން އެނގުމުން ވާހަކަ ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ.
“ކޮމްޕެނީއިން އަޅުގަނޑަށް ދެއްވިމަގާމު މިހާރު އަޅުގަނޑު ބޭނުންވަނީ މިދަރިފުޅަށް ދޭން، އޭނައަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ގާބިލް އެއްވަކީލު…އަޅުގަނޑުގެ ދަރިއަކަށްވެފަ، އަޅުގަނޑަށްވުރެ މާފުޅާ ތަނަސް ހިޔާލުތަކެއް ގެންގުޅޭ ކުއްޖެ…މަންސޫރަށްވެސް އެނގިލައްވާނެ އަޅުގަނޑުގެ ބަލިހާލަތު ހުރިގޮތް…ރާއްޖޭން ބޭރަށް އިރުއިރުކޮޅާ ދާންޖެހިފަ މިއޮންނަނީ، އެހެންވެ އަރާމުކޮއްލަންވެސް ބޭނުންވަނީ” ސަމަދު ބުނެލިއެވެ.
“ތީ ސަމަދު ބޭނުންވެ ލައްވާ ގޮތްނަމަ، ބުނާނީ އަޅުގަނޑަކަށް ވަކި ތިހިޔާލު ގޯހެއްނޫނޭ، މިހާޒަމާންވިއިރު ސަމަދުއަކީ އަޅުގަނޑުގެ ކޮމްޕެނީގެ ވަކީލުގެ އިތުރުން އިތުބާރުކުރެވޭ ރަނގަޅު ރަޙުމަތްތެރިއެއްވެސްމެ، ވަރަށް ހިތްހަމަޖެހޭނެ މިނިންމުމާއި ދޭތެރޭ ހާޒިމްގެ ހިޔާލު އޮޅުންފިލައިފިނަމަ…އެހެންނު ޒައުލް، ދަރިފުޅު ކީކޭ ބުނަނީ” ވާހަކައިގައި ތިއްބާ ގޭގައި ގެންގުޅޭ ކުއްޖާ ގެނެސް މޭޒުމަތީގައި ބެހެއްޓި ސައިތަބަކުން ސައިޖޯޑެއް ސަމަދުއަށް ދިއްކޮއްލަމުން ބުނެލިއެވެ.
“ބައްޕައަށް ފެނިލައްވާ ކޮންމެ ގޮތެއް ރަނގަޅުވާނެ، ބައްޕަ ސަމަދުއަށް ވަރަށް އިތުބާރު ކުރައްވާކަން އެނގިލައްވާ އަޅުގަނޑަށްވެސް، އެހެންވެ ހާޒިމްއަށްވެސް އަޅުގަނޑު އެއިތުބާރު ކުރާނަން” ޒައުލް ބުނެލިއެވެ. ވިޔަފާރީގެ ވާހަކަތަކުގައި މަސްޢޫލުވެ އިރުއޮއްސެންދެން ތިބެވުނެވެ. މަންސޫރަށްވެސް ޒައުލްއަށްވެސް ހާޒިމްވީ ވަރަށް ކަމުދާ ޒުވާނަކަށެވެ. ޒައުލްއަށްވުރެ އުމުރުން ދޮށިކަމުގައިވިޔަސް ހާޒިމްހުރީ ޒައުލްއާއިއެކު މަސައްކަތްކުރަން ތައްޔާރަށެވެ.
ހަފްތާއެއްވޭތުވެގެންދިޔައިރު އީލާކުގެ މަސައްކަތްވަނީ ފެށިފައެވެ. އޭނަގެ ގިނަވަގުތުތަށް ރަޙުމަތްތެރިންނާއިއެކު ހޭދަކުރަމުންދިޔައީ ލައިބްރަރީ އާއި ޖެހިގެން ހުރި ހުސް ބޮޑު ކޮޓަރީގައެވެ. ހެނދުންތައް އެޅުވުމަށް ތައްޔާރު ކޮއްފައިވާ ބުދުތައް އެކޮޓަރީގައި ހުރި އިރު ފެހުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް ލިބެންހުއްޓެވެ. އީލާކް ދެން ބޭނުންވަނީ ރާއްޖޭންބޭރަށް ފުރުމުގެ ހުއްދައެކެވެ. އެހެނީ އެކިވައްތަރުތަކުގެ ލޭސްތަކާއި ފޮައްޗާއި މިނަލާ ކުލަކުލައިގެ ސްޓޯންފަދަ ތަކެތި ގަތުމަށެވެ. އެއެއްޗިއްސާނުލާ އޭނަގެ ހެނދުންތަށް ފުރިހަމަ ނުވާނެތީއެވެ.
ކޮންމެ ތިންދުވަހުން ޑިއުޓީ ބަދަލުވާ ޕާކްވިއުހޮޓެލްގައި ޔޫހާއުޅޭތާވެސް ހަފްތާއެއް ފާއިތުވެގެންދިޔައީއެވެ. އޭގެތެރެއިން ދެދުވަހު ގަޑިޖެހިއްޖެއެވެ. މަސައްކަތަށް ފަރުވާކުޑަކުރެއެވެ. އެހެން ސްޓާފުންގެ ތެރޭ ޔޫހާގެ ނަން ފާހަގަވެއްޖެއެވެ. އޭނަ އާއިއެކު އެކި ދުވަހު ޑިއުޓީ ނަގަނީ އެކިކުދިންނެވެ. ހޮޓެލްގެ މެނޭޖްމަންޓަށް މިކަން ފާހަގަކުރެވިއްޖެއެވެ. ފައުޒީ ޔޫހާގެ ވާހަކަ ޒައުލް އާއި ހަމައަށް ގެންދިޔައެވެ. ޔޫހާގެ މިއާދަޔާއި ހިލާފު އުޅުމުގެ ވާހަކަ ޝާއިންއާއި ހަމައަށްވެސް ދިޔައީ ފައުޒީ އޭނައަށް ގުޅުމުންނެވެ. އެތަނުގައި އޭނަ މަސައްކަތްކުރިއިރުވެސް އެއީ ފަރުވާކުޑަ ސްޓާފެއްތޯ އެހުމުންނެވެ.
ރޭގަނޑު ބާރަޖަހަނިކޮށް ޑިއުޓީ ނިންމާލާފައި ޔޫހާ ހިނގައިގަތީ ޕާކްވިއުލޮބީގެ ތެރެއިން ބޭރަށް ނުކުތުމަށެވެ. އެހެންނަމަވެސް މަޑުކޮއްލެވުނެވެ. އަދި ގެއަށް ދިއުމަށް ޝާއިންއަށް ގުޅާލަން ބަލާލިއިރު ފޯނުވެސް އޮތީ ބެޓެރީގެ ޗާޖުހުސްވެގެން ނިވިފައެވެ. އެކަން މާބޮޑުކަމަކަށް ނުހަދާ އޭނަގެ ދަބަހުގައި އޮތް ވޮލެޓް ނަގާ ބަލާލީ ޓެކްސީއެއްގައި ދާނެހާ ރުފިޔާ ހުރިތޯއެވެ. ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވުމާއިއެކު ޔޫހާ ހިނގައިގަތެވެ. އެވަގުތު ރިސެޕްޝަން ކައުންޓަރުގައި ޑިއުޓީއަށް ހުރި ފިރިހެން ކުއްޖާ ގޮވާލި އަޑުއިވުނެވެ.
“ފޯނެއް، ޔޫހާއަށް…” އެފިރިހެން ކުއްޖާ ބުނެލިއެވެ.
“ހެލޯ…އަފޫ، މިދަނީއޭ ގެއަށް، ކިޔާން ހޭލީދޯ، ކޮބާ ޝާއިން، ގޭގަ އެބައުޅޭތަ…” ޔޫހާ ރިސެޕްޝަންގެ ކައިރިއަށް ގޮސް ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިގޮތަށް ބުނެލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ.
“ހެލޯ…ކާކު…” އެއްވެސް މީހަކު ޖަވާބު ނުދިމުން ޔޫހާއަށް އަހާލެވުނެވެ. ހަމަގައިމުވެސް ފޯނުގެ އަނެއްކޮޅުގައި ހުރި މީހަކު ނޭވާލާއަޑު އިވޭކަން ގައިމެވެ. އަނެއްކާވެސް ޔޫހާ ކާކުތޯ އަހާލިއެވެ. އަދި ފޯނުބޭއްވިއެވެ. ޔޫހާއަށް ނުނިކުމެވެނިސް ރިސެޕްޝަނުގައި އިންކުއްޖާ އަނެއްކާވެސް ގޮވާލިއެވެ. އަދި މިފަހަރު ދިއްކޮއްލީ ކުޑަ ކަރުދާސްކޮޅެކެވެ.
“މި ރޫމަށް އައިސް ދޭށޯ” ރިސެޕްޝަނުގައި ހުރި ފިރިހެންކުއްޖާ ދިއްކޮއްލި ކަރުދާސްކޮޅުގައި ހިފުމުން އޭނަ ބުނެލިއެވެ. ޔޫހާ ބޯޖަހާލަމުން އޭގައިވި އެއްޗެއް ބަލާލިއެވެ. އޭގައިވަނީ ހޮޓެލްގައި ހުރި ޕްރެސިޑެންޝިއަލް ސުވީޓް ކޮޓަރިތަކުގެ ތެެރެއިން ކޮޓަރިއެއްގެ ނަންބަރެވެ. ޔޫހާގެ ސިކުނޑި ސުވާލުން ފުރުނެވެ.
ހޮޓެލްގެ ރޫމުތައް އެތުރިފައިވާ ގޮތް ޔޫހާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ދެވަނަފަހަރަށްވެސް އަތުގައި އޮތް ކަރުދާސްކޮޅަށް ބަލާލެވުނީ ސިކުނޑީގައި އުފެދިގެން ދިޔަ ނުބައި ހިޔާލުތަކުންނެވެ. އޭނަ ގެއަށް ދާގަޑިވެސް ޖެހިއްޖެއެވެ. އަނެއްކޮޅުން ދާދި ދެންމެއަކު ރިސެޕްޝަން ފޯނަށް ޔޫހާ ހޯދަން މީހަކު ގުޅަންވެސް ގުޅައިފިއެވެ. އެމީހާގެ ކޮޓަރީގެ ނަންބަރަށް ނޫނީ ނުވާނެކަން ޔޫހާ ޔަގީންކުރިއެވެ. ދެހިޔާލެއްގައި ހުރެވެސް ލޮބީގައިވާ ލިފްޓާއި ދިމާލަށް ޔޫހާ ހިނގައިގަތެވެ. ކުރެވޭ ހިޔާލުތަކާއި ހީވާ ހީވުންތައް ދޮގަކަށް ވެދާނެކަމުގައި ސިކުނޑިއަށް ވިސްނާދެމުންނެވެ. ލިފްޓުގައި ހުރެ ހާސްކަންވެރިވަމުންދިޔަވަރަކަށް ޔޫހާއަށް އޭނަގެ ބުޅި އިސްތަށިތަކުން އިސްތަށިކޮޅެއް އިނގިޔަށް އޮޅާލެވެމުންދިޔައެވެ. އަދި ތިރީތުންފަތުގެ އެއްފަރާތުގައި މަޑުމަޑުން ދަތްއަޅާލެވެއެވެ. ކީއްވެކަމެއްނޭގެއެވެ. ލިފްޓު ހުޅުވުނު އަޑާއިއެކު ޔޫހާ ދިޔައީ ސިހިގެންނެވެ. އޭނަ ކަންބޮޑުވަނީ ކޮންކަމަކާކަމެއް ނޭގެއެވެ. ލިފްޓުން ނުކުމެ ދެކޮޅުބަލާލިއެވެ. ފަނޑުއަލިކަމާއިއެކު ދެފަރާތައްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ފަޅުވެފައެވެ. ޔޫހާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. މީހަކު ފެންނަން ނެތުމުން ޔޫހާ ޖެހިލުންވާގޮތްވިއެވެ. އެނބުރި ލިފްޓަށް އަރަން ތައްޔާރުވެފަވެސް އޭނައަށް ހިނގައިގަނެވުނީ ކަރުދާސްކޮޅުގައި ލިޔެފައިން ނަންބަރުގެ ކޮޓަރި ހޯދުމަށެވެ.
“ވަދޭ…” ޔޫހާ ދޮރުގައި ޓަކި ޖަހާލުމާއިއެކު ފިރިހެނަކު ބުނެލިއަޑުއިވުނެވެ.
“އާދޭ މިކޮޅަށް…” ޔޫހާ ނުފެނި ކުޑަކުޑަ ހިނދުކޮޅެއްވުމާއިއެކުހެން ޒައުލްގެ އަޑުއިވުނެވެ. ދޮރުމަތީ މަޑުކޮއްލައިގެން ހުރި ޔޫހާ އެއަޑު އައިދިމާލަށް ހިނގައިގަތެވެ.
ފަނޑުއަލިކަމުގެ ތެރެއިން ޒައުލްއަށް ޔޫހާފެނުނު ހިނދު ބުނެދޭންނޭގޭ ގޮތްތަކެއްވެގެންދިޔައެވެ. މުޅިހަށިގަނޑަށްވެސް ނޭގޭ ބާރެއް އިޙްސާސްކުރެވި ހަރުކަށިވެގެން ދިޔަކަހަލައެވެ. ޔޫހާގެ ލޮލާ ލޯ އަމާޒުވި ހިނދު ޒައުލްއަށް ފެނިގެންދިޔައީ މީގެ ހައަހަރު ކުރީގެ ޔޫހާއެވެ. އަދިވެސް އެރީތިކަމާއި ހަންގަނޑުގެ އޮމާންކަމާއި، ރީތިވަނާތަކެވެ. ޒައުލްގެ ދުނިޔޭގައި އުޅޭފަދަ އަންހެން ކުދިންނާއި އެތަށްހާސް ތަފާތުކަމެއް އެކުލެވިފައިވިއެވެ. ސުވެޓާ ފާޑުގެ ގަޔަށްދޫ ޓޮޕުކޮޅާއި ޖިންސުގައި ހުރިއިރު އޭނަގެ ހެނދުން އެޅުމުގެ ވައްޓަފާޅިއެއްނެތެވެ. ކޮއްފާއިހުރި މޭކަޕްގެ އަސަރުވަނީ ފިލާފައެވެ. އެހެންނަމަވެސް ޔޫހާގެ އަންހެން ވަންތައްކަން އެންމެ ތަންކޮޅެއްވެސް ކުޑައެއްނޫނެވެ. އެއީ ސިހުރުވެރި އަންހެންކުއްޖަކީއެވެ. ޒައުލް ޔޫހާގެ ބޮލުން ފެށިގެން ތިރިއަށް ބަލާލުމާއިއެކު ، ޔޫހާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
“މިތަނަށް އަހަރެން ގެނައުމުގެ ބޭނުމަކީ ކޮބާ؟” ޔޫހާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ވާހަކަދެއްކިއެވެ. ހަގީގަތުގައި އޭނައަށްވެސް އޭނަގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވެއެވެ. މުޅި އުމުރުގައި އެންމެ ލޯބިވި މީހާ ކުރިމަތީގައި ހުރިއިރު އޭނަގެ ހިތް ރަހުމެއްނެތި ކުދިކުދި ކޮއްލީވެސް ހަމައެޒުވާނާއެވެ. އެހެންނަމަވެސް ހިތުގައި ކުއްލިއަކަށް ރޯވެގެންދިޔަ ހުޅުކޮޅު އެހަށިގަނޑުގައި އުފައްދަނީ ކޮންފަދަ ހޫނެއްކަމެއް ނޭގެއެވެ. އޭނަ ހުރީ ޒައުލްގެ މަތިން ހަނދާންނައްތާލައިގެންނެވެ. ދުވަހަކުވެސް ފެންނާނެކަމުގެ އުއްމީދެއް ނެތީމައާއިއެކުއެވެ. އެހެންނަމަވެސް ޒައުލް ފެނުމާއިއެކު އެހިތާ ރޫހުގައި އަދިވެސް ޒައުލްއަށްޓަކައި އިޙްސާސްތަކެއް ވާކަމުގެ އެނގުންވެއްޖެއެވެ.
“ދަނީ…” ޒައުލްގެ ބެލުންތަކުން އޭނަ ވިރިގެން ހިނގައިދާނެހެން ހީވުމާއިއެކު އެނބުރިލީ ވަތްދޮރުން ނުކުތަމަށެވެ.
“އެހަށް މަޑުކޮއްބަލަ…އަހަރެން ވާހަކައެއް ބުނަންވެގެން” ޔޫހާ ނުކުތުމަށް އެނބުރިލުމާއިއެކު ޒައުލް ސިހިފައި ކުރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ. ޔޫހާ ނުކުމެގެން ދާކަށް އޭނަ ބޭނުމެއްނުވިއެވެ.
“އިތުރަށް ދައްކާނެ ވާހަކައެއްނެތް، ވޭތުވެދިޔަ ދުވަހެއް އަނބުރައެއް ނާންނާނެ، އެހެންނޫނަސް ވަރަށް ލަސްވެއްޖެ، ދިގުދުވަހެއް ނިންމާލެވުމުން އަހަރެން ބޭނުންވަނީ މިހާރު ގެއަށްދާން…” ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“ޔަގީންތަ؟…އަހަރެން ކައިރީ މިތާ މަޑުކޮއްލުމަކުން މައްސަލައެއްނެތެއްނު؟” ޒައުލްގެ ވާހަކައިން ޔޫހާ ހައިރާންވިއެވެ. ޔޫހާ ގާތަށް ރުޅިއައިކަމަކު ހުދު އޭނައަށްވެސް ޔަގީނެއްނޫނެވެ. ޒައުލްގެ ގާތުގައި ހުންނަންވީކަމެއް ނޫނީ އެތަނުން އަވަހަށް ނުކުމެގެން ދާންވީކަމެވެ.
“ކީކޭ ކިޔަންތަ ޒައުލް ތިއުޅެނީ، ކީކޭ ކަމައްތަ ހީކުރަނީ، އަހަރެން ނުޖެހޭނެ ޒައުލް ބުނިހާ ގޮތެއް ހެދިގެން ހުންނާކަށް، ޒައުލް ދުވަހަކުވެސް އަހަންނާއި ބައްދަލުވާކަށް ނޭދޭނެކަން އަހަންނަށް އެނގޭ” ޔޫހާ ބުނެލިއެވެ. އޭނަ ރުޅިއަށްވުރެ ބޮޑަށް ދެރަވީއެވެ.
“ފަހަރެއްގަ ތީތެދަކަށްވެސް ވެދާނެ، އެކަމަކު މިފަހަރު މިގެނައީ ބައްދަލުކުރަން ބޭނުންވެގެންނެއްނު” ޒައުލް ވަގުތުން ބުނެލިއެވެ. އޭނަގެ ގޮތުގައި ހުރި ފިޔަވަޅުމަތީ ދެޖީބަށް އަތްޖަހާލައިގެން ހުއްޓެވެ.
“ދެން ހެޔޮ ޒައުލް، އިތުރު ދޮގުތަކެއް ނުހެއްދިއްޔާ އެންމެ ރަނގަޅުވާނި…” ޔޫހާއަށް ކުރިއަސަރާއިއެކު ދޮރާދިމާލަށް ހިނގައިގަނެވުނެވެ.
“ކޮންމެ ތަނެއްގަވެސް ސްޓޭންޑަރޑްތަކެއް ހުންނާނެ، ވަޒީފާއަށް ކުރިމަތިލާއިރު ފެންވަރެއްވެސް ހުންނަންޖެހޭނެ….އޭގެ އިތުރުން ކޮންމެވެސް ވަރެއްގެ ތަޖުރިބާވެސް ހުންނަން ޖެހޭނެ…އަހަރެން ހިތަށް އަރާ ޔޫހާއަށް މިތަނުން ވަޒީފާ ދިނީ ކާކުބާއޭ….ޔަގީނުންވެސް އެމީހެއްގެ ވަޒީފާ އާއިމެދު ވިސްނާނުލާ ކުރިކަމެއް އެއީ، އަހަންނަށް މާދަމާވެސް ޔޫހާ މިތަނަށް ގެނެވިދާނެ، މެނޭޖަރު ކައިރީ ބުނެލުން ލަސްވާނީ، އޭނަ ދެކޮޅެއް ނުހަދާނެ، ނޫނީ ރިސެޕްޝަނަށް ގުޅާލާފަވެސް ބުނެލެވިދާނެ….މިރޫމަކީ އަހަރެންނަށް ޙާއްޞަކުރެވިފައިވާތަނެއް….މިތަނަށް އަހަރެން ޔޫހާ ގެނެސްގެން ކުރަނީ ކީއްކަމެއް އެމީހުންނަށް އެނގުން އެހާ މުހިއްމެއްނޫން…” ޒައުލްގެ ވިހަގަދަބަސްތައް ޔޫހާގެ ކަންފަތަށް އިވުނު ހިނދު ހީވީ ތިމަރަވިރުވާފައި ކަންފަތަށް އޮއްސާލިހެނެވެ. ޔޫހާގެ ދެލޯ ބޮޑުވިއެވެ. އޭނައަށް ވަޒީފާ ދިނީ ޝާއިންއެވެ. ޒައުލް އެހެން ހަދާފާނެ ބާއެވެ. އާއެކެވެ. އޭނަ އެހެން ހަދާފާނެއެވެ. މިވަގުތު ޝާއިންއަށްޓަކައިވިޔަސް އޭނައަށް މަޖުބޫރުވެފައިވަނީ ޒައުލް ބުނިގޮތެއް ހެދުމަށްޓަކައި މަޑުކުރުމެވެ. ހޮޓެލްގެ ތެރޭގައި ބަދުނާމުވާނީ އޭނަގެ ނަމެވެ. ޒައުލްއަކީ ވެރިޔާއެވެ. އޭނަ އާއި ދިމާލަށް އެއްޗެއް ބުނަން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ.
“ޒައުލް ބޭނުންވަނީ ކޮންކަމެއް؟” ޔޫހާގެ އަޑުގައި ފިނިކަމެއް އެކުލެވިގެންދިޔައެވެ. އެހެނީ އެއަޑުގައި އެއްވެސް އަސެއްރެއްނެތް މަޑުމައިތިރިކަމެއް އެކުލެވިފައިވީކަމެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު….އަހަރެން ބޭނުންވީ ޔޫހާ އާއި ބައްދަލު ކޮއްލަންށޭ، އާދޭ މިތާ އިށީންނަން” މިހެން ބުނެލަމުން ޒައުލް އޭނަގެ އެބޮޑު ކޮޓަރީގައި އިށީނުމަށް ޚާއްޞަކުރެވިފައިވާ ބައިގައި ހުރި ސޯފާގޮނޑިތަކާއި ދިމާލަށް އިޝާރާތްކޮއްލިއެވެ. ޔޫހާ އަންނާނެ ކަމުގެ ޔަގީންކަމެއް އޭނަގެ ނެތެވެ. އެހެންނަމަވެސް އެތަނުގައިއޮތް މާބްލްސްތަޅުމުގެ މަތީގައި އަޅާފައިއޮތް އާސާރީ ފާޑުގެ ރަނާ ރީދުކުލައިގެ ދޫލަމަތިން ޔޫހާ ހިނގާލާފައިގޮސް އޭނަ އިޝާރާތްކުރި ދިމާލުގައި ހުރި ސޯފާގޮނޑީގައި އިށީދެއްޖެއެވެ. އެވަގުތު ސޯފާގެ އަރިމަތީގައި ހުރި ކުޑަވައްމޭޒުގެ މަތީ ދިއްލާފައި ހުރި މޭޒުމަތީބޮކީގެ އަލިން ޔޫހާގެ މޫނަށް އަލިވެގެންދިޔައެވެ. ޒައުލްއަށް އެކޮޓަރީގައި ހުރި ފަޑުއަލިކަމުގެ ތެރެއިން ޔޫހާގެ މޫނު ފެނުނުވަރަށްވުރެ ބޮޑަށް މިހާރު އެމޫނު ހާމަވެގެން ދިޔައެވެ. އަދި ކުރިން ފާހަގަނުވި ޔޫހާގެ ހާސްކަން އޭނަގެ އެރީތިތުންފަތަށްވެސް ވެރިކުރުވާފައިވާކަން ފެނުނެވެ. އެމޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ. ޔޫހާ ބުނިހެން ވަރަށް ލަސްވެއްޖެއެވެ. އޭނަ ބޭނުންނަމަ އެހެންވަގުތަކަށްވެސް މިކަން ލަސްކުރެވުނީހެވެ. އެހެންނަމަވެސް އޭނަގެ ހިތުގައިވެސް ހައިޖާނެއް އުފެދިފައިވާކަހަލައެވެ. ޔޫހާ އާއި ބައްދަލުވުމުން ނޫނީ ހިތައް ހަމަޖެހުމެއް ލިބެން ނެތްކަން އެނގޭތީ ހަމަ މިރޭ އެގޮތަށް ކަންތައްކުރީއެވެ. އޭނައަށް ޖަވާބު ނޭގޭ އެތަށް ސުވާލެއް ޔޫހާ އާއި ގުޅިފައިވެއެވެ.
“ސައިތައްޓެއްތަ، ނޫނީ ކޮފީއެއްތަ؟” ޒައުލް އަހާލިއެވެ.
“އެއްވެސް އެއްޗެއް ބޭނުމެއްނޫން…” ޔޫހާ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. އެއާއިއެކު ޒައުލް އޭނައަށް ކޮފީތައްޓެއް ހަދައިގެން އައިސް ޔޫހާގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގޮނޑީގައި އިށީނެވެ. އަދި މަޑުމަޑުން ހޫނު ކޮފީތަށިން އެތިފޮދު ބޮމުންދިޔައެވެ. ޔޫހާ ޒައުލްގެ ހަރަކާތްތަކަށް ބަލަންއިނެވެ. ޒައުލްގެ ދެލޮލުގައި ކަޅުހިޔަންޏެއްހެންވި ބޯއެސްފިޔަތަށް ތިރިކޮއްލީ ޔޫހާއަށް އެދެލޮލުގައިވާ އެއްޗެއް ނަގައިގަނެވިދާނެތީ ކަންނޭގެއެވެ. އޭނަގެ ސިކުނޑިގައިވާ އެއްޗެއް އެނގެން ބޭނުންނުވާ ކަހަލައެވެ.
“އަހަންނަށް އައިސްފަ ހުރި ބަދަލުންތައް ތިވަރަށް ތިބަލަނީ؟ ސޫޓްސް ގަ ހުއްޓަ ދުވަހަކުވެސް ނުފެންނާތީ ދޯ…އަހަންނާ ގުޅޭތަ؟” ޒައުލް ސިއްރުވެރިގޮތަކަށް ޔޫހާއަށް ބަލަން އިނދެ ބުނެލިއެވެ.
“އަހަރެން ގެނައީ ޒައުލްގެ ރީތިކަން ހާމަކުރަންތަ؟” ޔޫހާ އަވަސް އަވަހަށް އިސްޖަހާލަމުން ބުނެލިއެވެ. އޭނަގެ ހިތުގައިވާ އިޙްސާސްތަކެއް ބަދަލެއް ނުކުރެވުނެވެ. ޒައުލް ކޯޓު ފަޓުލޫނުގައި ހުންނައިރު ނުހަނު ހިތްގައިމެވެ. ހިތްއެދޭފަދަ ގޮތެއްހުރެއެވެ. ހީވާގޮތުން އޭނަ އެއައީ ކޮންމެވެސް ހަފްލާއަކަށް ގޮއްސައެވެ. ޒައުލްގެ ކިތަންމެ ކުޑަކުޑަ ހަރަކާތެއްވިޔަސް އެކަމެއްގައި ވައްޓަފާޅިއެއް އެކުލެވިފައިވެއެވެ. އެހެންމީހުންނާއި ތަފާތެވެ. ނަމަވެސް އޭނަގެ ކުރިމަތީގައި އިން ޒައުލްއަކީ އޭނަ އާއި އެންމެ ފުރަތަމަ ދިވާއިރުގެ ޒައުލްއެއް ނޫނެވެ. އޭރަށްވުރެ ޒައުލްގެ ހިތްވަނީ ކަޅުވެ އަނދިރިވެފައިކަން ޔޫހާއަށް އެނގެއެވެ. އޭނަގެ ކުރިމަތީގައި އިން ޒައުލްގެ ޝަހުސިއްޔަތާއި ފަންވަރުއެކުލެވިފައިވެއެވެ. މުއްސަނދި ކަމާއި ބޮޑާކަމެވެ.
“އެހެނެއްނޫން، ޔޫހާ ތިވަރަށް އަހަންނަށް ބަލާނީ ކޮންމެވެސް ކަމެއްވެގެންނު…ދެން ބުނެބަލަ، ކޮންކަމަކާ ތިވިސްނަނީ؟” ޒައުލް އަހާލިއެވެ.
“ޚާއްޞަކަމަކާއެއްނޫން، އަހަރެން ވަރަށް ވަރުބަލިވެފަ މިހިރީ ގެއަށްދާން ބޭނުންވަނީ، މާދަމާ މެންދުރުފަހުގެ ޑިއުޓީއަށް އަންނަންވާއިރަށް އަހަރެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ، ޑިއުޓީއަށް އަންނަންވަންދެން ނިދަން އޮތުމަކީ އަހަރެންގެ ފެންވަރެއްނޫން…ޕްލީޒް…” ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. ޒައުލް އޭނަގެ އަތުކުރީގައި އޮތް ގަނޑިއަށް ބަލާލިއެވެ.
“އެންމެ ރަނގަޅު، މާދަމާ ރޭ ތަންކޮޅެއް ކުރިން ޔޫހާގެ ޑިއުޓީ އޮފްކޮއްދޭނަން، އަހަރެންގެ މިކޮޓަރިއަށް ޔޫހާ އަންނާނެ އިރަކަށް އިންތިޒާރު ކުރާނަން….” ޒައުލް ކޮފީތަށި ކުރިމަތީހުރި މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. އަދި ޔޫހާއަށް ފުންނަޒަރަކުން ބަލާލީ އޭނަ ދޭނެ ޖަވާބެއް ނޭގޭތީއެވެ.
“އެކަމަކު އޭރުން….އެހެން ނުހެދިޔަސް އަހަރެން އައިސްދާނަން….ޒައުލް ބުނި ގޮތަކަށް ކަންތައްކުރުން ނޫން އެހެންގޮތެއް އަހަންނަށް އެބައޮތްތައް” ޔޫހާ އޭނަ އާއިއެކު މަސައްކަތް ކުރާ އެހެން ސްޓާފުންނަށް އެއްވެސް ވަރަކަށް ޝައްކުވާން ބޭނުންނުވަނީއެވެ. ޔޫހާ ދާންވެގެން ތެދުވިއެވެ.
“އަދި އެއްކަންތައް؟ އަހަރެންގެ ޚާއްޞަ ޑްރައިވަރު ދާނީ ޔޫހާ ގެއަށް ލާދެން…އެގޮތާ ގަބޫލުވެގެން ދާންވާނީ” ޒައުލްގެ އަޑުގައި ހުންނަ އަމުރުވެރިގޮތް ޔޫހާގެ ހިތަށް ތަދުކުރުވައެވެ. އަދި ހިތުގައި ރުޅިވެރިކަންވެސް އުފެދެއެވެ.
“ހޫމް…މައްސަލައެއްނެތް” އެންމެ ފަސޭހަވާނީ ޒައުލް ބުނިގޮތް ހެދުންކަމުގައި ޔޫހާއަށް ވިސްނުނެވެ. އެހެންވެ އާއެކޭ ބުނެލިއެވެ. ހަމައެވަގުތު ޒައުލް އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ޖަމާލްއަށް ގުޅާލިއެވެ. ހޮޓެލްގައި ޒައުލް ހޭދަކުރާ ރޭތަކުގައި ޖަމާލްވެސް ނިދަނާނީ ހޮޓެލްގައެވެ. އެހެންވެ ނިދަންތައްޔާރުވެފައިވިއެއްކަމަކުވެސް ޖަމާލްއަށް ޒައުލް ގުޅާލުމަކުން އުނދަގުލަކަށް ނުވިއެވެ. އޭނަ އަވަސް އަވަހަށް އައިސް ޒައުލްގެ ކޮޓަރީގައި ޓަކިދީފައި އެތެރެއަށް ވަދެއްޖެއެވެ.
“އޯ….މާފުކުރައްވާ ކުޑަސާހިބް…” ޖަމާލްއަށް އެކޮޓަރީގައި ހުރި ޔޫހާ ފެނުމާއިއެކު އިސްޖަހާލަމުން ބުނެލިއެވެ.
“މީ އަހަރެންގެ ޚާއްޞަ މެހެމާނެއް، އޭނަގެ ގެއަށް ގެންގޮސްދީ” ޒައުލް ޖަމާލްއަށް ބުނެލިއެވެ.
“ދުރުވޭ…” ޖަމާލް ޔޫހާއަށް މުޚާޠިބުކުރިއެވެ. ޔޫހާއަށް އިތުރު ހައިރާންކަންވެރި ކުރުވިއެވެ. ޒައުލްގެ ޚާއްޝަ ހާދިމުންވެސް ތިބީތީއެވެ. އޭނަ ބުނެލާ ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. ކޮނޑުގައި އަޅުވާލާފައިވާ އަތްދަބަސް މޭގާއިޖައްސާ ބާރުކޮއްލަމުން ޔޫހާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނަގެ ފަހަތުން ޖަމާލް ހިނގައިގަތެވެ.
“މިހާރު ކޮންއިރެއް ގުޅާތާ…އޮފީހުގަ ކޮންކަމެއް ޖެހިގެންތަ މަޑުކުރަން ޖެހުނީ…” ދޮރުންވަތް ޔޫހާ ފެނުމުން ކަންބޮޑުވެފައި އިން ޝާއިން ވަގުތުން ވާހަކަދެއްކިއެވެ.
“ފައުޒީ ބުނެގެން ލިޔުންތަކެއް ހަމަޖެއްސީ…” ޔޫހާގެ ސިކުނޑިވަނީ ޒައުލް ކަންތައްކުރިގޮތުން ހާސްވެ ހަނދާނެގޮތް ހުސްވެފައެވެ. އެހާސްކަމުގެ ތެރޭ ޝާއިންގެ ސުވާލުތައް ކުރިމަތިވުމުން އިތަރަށް އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ.
“މީދެން ކޮންގަޑިއެއް އެކަހަލަ ކަމެއް ކުރުވަން، އެނގެންޖޭހެނެ އެއްނު އަންހެން ކުއްޖަކު މިފަދަ ގަޑިއެއްގައި ފޮނުވާލާއިރު…އަނެއްކާ ކިހިނެއް އައީ، ކާރުގަތަ؟ ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ، ގުޅާ ކޮންމެ ފަހަރަކު ބުނަނީ ނިއްވާލަފައޭ” ޝާއިންގެ ވާހަކަތައް ހުރީ ހުއްޓާލާފަދަ ގޮތަކަށް ނޫނެވެ.
“ބެޓްރި ޗާރޖު ހުސްވެގެން ފޯނު ނިވުނީ، ޑިއުޓީ ނިންމާފަ ނުކުންނަން އުޅެނިކޮށް އެމަސައްކަތް ޖެހުނީ، އެހެންވެ ފޯނުވެސް ޗާރޖުކުރަން ނޫޅެވުނީ…ދެން އެހާ ހާސްނުވެބަލަ، ހެނދުނުން ހޭލަންވެސް ޖެހޭނެ…މިދަނީ ނިދަން، ޝާއިންވެސް ދޭ އަވަހަށް ނިދަން، ކޮބާ ކިޔާން” ޔޫހާ މާބޮޑު ކަމަކަށް ނުހަދާ ބުނެލިއެވެ.
“އެބައޮތް އަފޫ އާއިއެކު އެކޮޓަރީގަ، ދެންމެ ބަލާލިއިރުވެސް ދެމީހުން ތިބީ ގަދަނިދީގަ، ކިޔާން ގެނެސްދެންތަ” ޝާއިން އޭނަގެ ކޮޓަރިއަށް ވަންނަން ހިނގައިގަންނަމުން ބުނެލިއެވެ.
“ނޫން، މިރޭ ކިޔާން އަފޫކައިރީ ބާއްވާލާ…” ޔޫހާ މިނޫނީ ދުވަހަކުވެސް އެހެން ނުބުނެއެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ޝާއިންއަށް ހީވިއެވެ. ނަމަވެސް ސުވާލުކުރުމެއްނެތި އޭނަވެސް ވަނީ އޭނަގެ ކޮޓަރިއަށެވެ.
ކޮޓަރީގެ ދޮރުލައްޕާލުމާއިއެކު ދޮރުފަތުގައި ޔޫހާއަށް ލައްގަނެވުނެވެ. ދެލޯމަރާލުމާއިއެކު ހުރިދިމާތިރީގައި މަޑުމަޑުން އިށީނދެވުނެވެ. އެސްފިޔަތަކުގެތެރެއިން ކަރުނައިގެ އަސަރުފާޅުވި ހިނދު ދެއަތްތިލާގެ ތެރޭމޫނު ފޮރުވާލިއެވެ. އޭނަގެ ކަންފަތުގައި އަދިވެސް ވަނީ ޒައުލްގެ އަޑުހަރުލާފައެވެ. އެފަދަ ގޮތަކަށް ކަންތައްކުރުމުގެ ބޭނުމަކީ ކޮބާކަމެއް ޔޫހާއަކަށް ނުވިސްނުނެވެ. ޒައުލް އޭނަގެ ފަރާތުން ހިފަން ގަސްތުކޮއްގެން އެއުޅެނީ ކޮންކަމެއްގެ ބަދަލެއްބާއެވެ. ޔޫހާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް އެލޮލުން ފޭބި ކަރުގެނެސްދިނެވެ. ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ އެނދުގައި ނިދަން އޮށޯތެވެ. އެހެންނަމަވެސް ކައިރީގައި ދަރިފުޅު ނެތުމުން އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. އެހެންވެ އަފްލީންގެ ކޮޓަރީގައި ނިދާފައި އޮތް ކިޔާން އުރާލައިގެން އައިސް ޔޫހާ އޭނަގެ ކޮޓަރިއަށްވަނެވެ.
ހެނދުނު ހެނދުނާ ޝާއިން ޑިއުޓީއަށް ދާންވާއިރަށް ސައިތައްޔާރުކުރުމަށް އުޅުނު ޔޫހާގެ ހަރަކާތްތަކަށް ބަލަން ކާމޭޒުދޮށުގައި ޝާއިން އިނެވެ. ޔޫހާ އެއްވެސް އެއްޗެއް ނުބުނާތީ ޝާއިންވެސް އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވެފައި އިނެވެ. ޔޫހާ ދެން އަވަސްވެގަތީ އަފްލީންގެ ކޮޓަރިއަށް ދިއުމަށެވެ.
“ހޭލައޭ މިއުޅެނީ…ރޭގަ ކިހިނެއްވީ؟ ދޮންބެ އުޅުނު ވަރަށް ކަންބޮޑުވެގެން، ކިޔާންވެސް ހުރީ ކުޑަކޮށް ރޯގާވައްތަރުވެފަ، ނޭފަތުން އަރިދަފުސް އަންނާތީ ވަރަށް އުނދަގޫވެގެން އުޅުނު…” އަފްލީންގެ ކޮޓަރި ދޮރު ހުޅުވާލި ޔޫހާ ފެނުމުން އޭނަ ވާހަކަދައްކަންފެށިއެވެ.
“އެހެންތަ؟ ރޭގަ ހޮޓެލްގެ ކަމަކާ ތަންކޮޅެއް ލަސްވީ، ތެންކިއު އަފޫ…އަވަހަށް އާދޭ ތައްޔާރުވެގެން ސައިބޯން، ދޮންބެވެސް އެބައިން ސައިބޯން، ވަރަށް ވިއްސާރަގޮތަކަށް އުޅެނީ…ދެންމެ ބަދިގެ ކުޑަދޮރުހުޅުވާލިތަނާހެން އެނގުނީ ވާރޭ ވެހިފަ އޮތްކަން….” ޔޫހާ ބުނެލިއެވެ.
“އާން، ފަތިހު ވާރޭ ވެހުނުކަން އަހަންނަށްވެސް އެނގޭ، ވިއްސާރަވާންކަންނޭގެ އެއުޅެނީ…ކިހާ ހޫނު ގަދަ ދުވަސްތަކެއް މިދިޔައީ” އަފްލީން ޔޫހާގެ ވާހަކަ އާއި ގުޅިގެން ބުނެލިއެވެ. އަދި އޭނަގެ ރީތިވާ މޭޒުކައިރީ އިނދެ އިސްތަށިގަނޑު އަޔަން ކުރަމުން ދިޔައެވެ.
ލޯގަނޑަށް ބަލަހައްޓައިގެން ހުރި ޒައުލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވިއެވެ. އޭނަގެ ނަޒަރު ލޯގަނޑުން ފެންނަން ހުރި އޭނަގެ އަމިއްލަ ސޫރައަށް ހުއްޓިފައިވިއެއްކަމަކު އޭނަގެ ސިކުނޑީގައިވަނީ ޔޫހާގެ ހިޔާލުތަކެވެ. ރޭގައި އެކޮޓަރީގެ ތެރޭގައި އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކެވެ. ޒައުލްއަށް މޭގައި މަޑުމަޑުން ފިރުމާލެވުނެވެ. އަދި އަނެއްއަތުން ތެތްކަން އެކުލެވިފައިވި އިސްތަށިގަނޑުގައި އަތްހާކާލިއެވެ. އެދެވޭގޮތަކަށް އެބައްދަލުވުން ނުދިޔަސް ޔޫހާ ފެނުމުން އޭނަ ހުރީ ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް އޭނަ ޔޫހާ އާއި ކުރަން ބޭނުން އެތަށް ސުވާލެއް އެބަހުއްޓެވެ. އަދިވެސް އެހާ ގާތުން ޔޫހާ ދެކެލަން އޭނަ ބޭނުންވެއެވެ. ޔޫހާ އާއި ވަކިވީއްސުރެ އޭނަ ޔޫހާ އާއިމެދު ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެކަމަކު ޒައުލްގެ ލޮލަށް ޔޫހާ ފެނުމުން ހަމަ ކެތްނުވީއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކުފެނިގެން ޒައުލްއަށް ނުވާގޮތް ޔޫހާ ފެނުމުންވެގެންދިޔައެވެ. ކިތަންމެ ވަރަކަށް ފެންބުޔަސް އޭނަގެ ކަރުހިއްކާގޮތް ވަނީ ކީއްވެކަމެއްނޭގެއެވެ. އެހެންވިޔަސް އެއިޙްސާސްތަކުގެ މައްޗަށް އޭނަ ގަދަވެގެންނަން ބޭނުންވެއެވެ. ކާމިޔާބު ނުލިބުނަސްއެވެ. ޒައުލް އެއްފަރާތުގައި ހުރި ބިއްލޫރު ބޮޑު ކުޑަދޮރުން ބޭރު ބަލާލިއެވެ. ދުނިޔެމަތި ވަށާލަމުން އައި ބޯކަޅުވިލާތަކުން އޭނަށް އިޙްސާސްކުރެވުނީ މަސްތުކަމެކެވެ. އެނބުރި އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އޭނަ މިއަދު އޮފީހަށް ނުކުތުމުގެވެސް ޝައުގުވެރިކަމެއް ނެއްކަހަލައެވެ.
“މަންމާ، ޒައުލް ގޭގެ ނޫޅެނީތަ؟” މަންސޫރު ހެނދުނުގެ ނާސްތާ ކުރުމަށް ކާކޮޓަރިއަށް ވަންނަމުން އަހާލިއެވެ.
“އާން، ރޭގަ އީލާކް ފުރުވަންވެގެން ގޮސްފައި އެކޮޅުގަ މަޑުކުރީ ކަންނޭގެ، ކުއްލިއަކަށް ހާދަ ވިއްސާރަވައްތަރު ޖަހައިފިއޭ…” ލާއިގާ ކާމޭޒުކައިރީ އިށިން މަންސޫރަށް ޖަވާބުދެމުން އެކޮޓަރީގައި ބޯފަރުދާތަކުން ފޮރުވާލެވިފައިވާ ކުޑަދޮރުތައް ހާމަކޮއްލިއެވެ. ދެފަރާތައް ދޮރުފޮތިތަށް ކަހާލަމުންނެވެ. މޫސުން އޮތްގޮތް ލާއިގާއަށް ފެނުނީ ދެނެވެ.
“ލުއާވެސް ގޭގަ ނެތީތަ؟” މަންސޫރު އަނެއްކާވެސް ކުރީ ސުވާލެކެވެ.
“ނޫން، އެމަންޖެ އެބަ އުޅޭ ގޭގަ…މިހާރު ސައިބޯން އަންނަން އުޅޭނެ، މަންމަ ދަރިފުޅު ކައިރީ ވާހަކައެއް ދައްކާލަންވެސް އެބައޮތޭ” ލާއިގާ ކުޑަދޮރުތަކުގެ ދޮރުފޮތިތަށް އެއްފަރާތްކޮއްލުމާއިއެކު އައިސް ކާމޭޒުކައިރީ އިށީނެވެ.
“އަނެއްކާވެސް އީލާކްގެ ވާހަކަ ދައްކަންތަ މަންމަ ތިއުޅެނީ” މަންސޫރަށް އަހާލެވުނެވެ.
“ނޫނޭ، ލޫލުއާ އާއިމެދު ކަންބޮޑުވަނީ، އަންހެން ކުއްޖަކަށްވެފަ އުމުރުން ދުވަސްވާއިރުވެސް ދިރިއުޅުމާއިމެދު ވިސްނާހެން މަންމައަށް ހީނުވާތީ…” ލާއިގާ ބުނެލިއެވެ.
“އަޅުގަނޑު ތިކަމާ ކުރަންވީ ކަމެއް ނުވިސްނުނު” މަންސޫރު ބުނެލިއެވެ.
“އަހަރުމެން ކުއްޖަކު ހޯދުން ކިހިނެއްވާނީ” ލާއިގާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ލޫލުއާ ކާކޮޓަރިއަށް ވަދެވެންދެން ލާއިގާ އާއި މަންސޫރުގެ މެދުގައި ދެކެވުނީ އޭނަގެ ކައިވެނި ކުރުމާއިބެހޭ ވާހަކަތަކެވެ.
ކިޔާންއަށް ހެނދުނުގެ ސައިދިނުމަށްފަހު ޔޫހާ އެކިކަންތައްތަށް ކުރުމުގައި އަވަދިނެތި އުޅުނެވެ. މެންދުރުފަހު ޑިއުޓީއަށް ދާންވާއިރަށް ގޭތެރޭގެ ކަންތައްތައް ނިންމާލުމަށެވެ. ވިއްސާރަވެފައި ކިޔާންހުރީ ކުޑަކޮށް ރޯގާވެސް ޖެހިފައިކަމަށްވާތީ ޔޫހާ ބޭނުންވީ އޭނަ ސްކޫލަށް މިއަދު ނުފޮނުވުމަށެވެ. އަފްލީން ސްކޫލުން ގެއަށް އައުމުން އެޚަބަރު ދިނެވެ. އޭރު ކޮންމެވެސް ވަރަކަށް ތުނިތުނިކޮށް ވާރޭވެހެމުންދިޔައެވެ.
“ވަރަށް ބޯކޮށް ވިލާގަނޑު ނަގާފަތަ އޮތީ” ޑިއުޓީއަށް ތައްޔާރުވަމުންދިޔަ ޔޫހާ އަހާލީ އެވަގުތު އެކޮޓަރިއަށްވަތް އަފްލީންގެ ގާތުންނެވެ.
“ޔޫހާއަށް އަދި ދެވޭނެހެން ހީވަނީ، އެކަމަކު މިހެން ބުންޏަސްނޭގެ…އެހެންއޮވެފަ ކުއްލިއަކަށް ބޯކޮއްލަވެސް ފާނެ” އަފްލީން ޔޫހާގެ ކޮޓަރިއަށްވަންނަމުން ޖަވާބުދިނެވެ.
ފިނިފިނި ދުވަހަކަށްވެފައި ޔޫހާ ޑިއުޓީއަށް ދިޔައިރުވެސް ހިމަފޮދުވާރޭ ވެހެމުންދިޔައެވެ. އެހެންވެ އޭނަ ހުރީ ސުވެޓަރ ފާޑުގެ ވޫލުންވިޔެފައި ހުރި ޓޮޕުކޮޅެއް ލައިގެންނެވެ. އެވަރުންވެސް ހޮޓަލަށްވަދެގެން ދިޔަ ޔޫހާ ހުރީ މެޔާއިދިމާލުން ދެއަތްހުރަސްކޮއްލާ ފިނިންސަލާމަތްވާން ބޭނުންވެފައި ހުރިހެންނެވެ.
“ވަރަށް ފިނިދޯ” ރިސެޕްޝަންގައި ޔޫހާ އާއިއެކު ޑިއުޓީގައި އިން ލަމްހާ ބުނެލިއެވެ.
“މަށަށްވެސް ވަރަށް ފިނިވެފަ މިހިރީ، ހަމަ ކިރިޔާ މިއާދެވުނީވެސް…ޔުނީފޯމް ލައިގެން ލޮކަރ ރޫމްއިން ނުކުތްތަނާހެން ވާރޭ ބޯކޮއްލިއަޑުއިވުނު…” ޔޫހާ ދެއަތްދެއަތާ ޖޯޑުކޮއްލާ ހޫނު އުފައްދަން މަސައްކަތް ކުރާފަދަ ގޮތަކަށް ހަދާލަމުން ބުނެލިއެވެ.
“އިރުކޮޅަކުން ބްރޭކްއެއް ލިބުނީމަ ދާންވާނެ ދޯ ހޮޓް ކޮފީއެއް ބޯލަން…އެހެންނޫނީ އަހަރުމެން ގަނޑުވެދާނެ، ކިތަންމެ ފިންޏަސް މިތަނުގެ އޭސީ ހުންނާނީ ހަމަ ހުންނަވަރެއްގަ” ލަމްހާ ބުނެލިއެވެ.
ހަވީރު ފަހެއްޖަހަންވިއިރު މުޅި ދުނިޔެމަތިވަނީ ބޯކަޅު ވިއްސާރަވިލާތަކުން ބައްދާލާފައެވެ. އިރުއޮއްސުމުގެ ކުރިން ދުނިޔެމައްޗަށް އަނދިރިކަން ވެރިކުރުވާފައިވެއެވެ. އެހެންނަމަވެސް ޕާކްވިއު ހޮޓެލްތެރެއެކޭ ވަގުތު ހުއްޓިފައިވާ ތަނެކޭ އެއްގޮތެވެ. ފިނިދުވަހަކަށްވިޔަސް އެއްވެސް ސްޓާފަކަށް ފިންޏާއިގެން އުޅޭނެ ވަގުތެއް ނުވެއެވެ. އަހަރުގެ އެންމެ ބުރަކޮށް މަސައްކަތްކުރަންޖެހޭ ދުވަސްކޮޅަކަށްވެފައި ހޮޓެލްގެ ހުރިހާ ކޮޓަރިއެއްހެން ވަނީ ފުރިފައެވެ. ޑިއުޓީ ޝެޑިއުލްގެ ތެރެއިން އެންމެ ފަސޭހަ ޑިއުޓީއެއްކަމަށް ގިނަ ސްޓާފުން ބުނަމުންގެންދަނީ ދަންވަރުގެ ޑިއުޓީއެވެ. ޔޫހާވެސް ހުރީ ދަންވަރު ޑިއުޓީ ޖެހުމުން ހަމަނޭވާ ލެވޭނޭކަމުގެ އުއްމީދުގައެވެ.
ރޭގަނޑު ގަޑިން ދިހައެއް ޖަހަން ގާތްވެފައިވަނިކޮށް ޔޫހާ ޑިއުޓީގައި އިން ރިސެޕްޝަން ކައުންޓަރ ކައިރިން ލާފައި ސިޑިއާއި ދިމާލަށް ދިޔަ ޒައުލް ފެނުނެވެ. ޔޫހާއަށް އެއީ ހަނދާންކޮއްލަ ދިނުމެއްކަން ނަގައިގަނެވުނެވެ. ޒައުލް ލޯމަތިން ގެއްލުނުތާ ތިރީހަކަށް މިނެޓުފަހުން ރިސެޕްޝަންގެ ފޯނު ރިންގުވިއެވެ.
“ގުޑް އީވްނިންގ، ޕާކްވިއު ހޮޓެލް…ހައު މޭ އައި އެސިސްޓްޔޫ…” ޔޫހާ ފޯނު ނެގިގޮތަށް ބުނެލިއެވެ.
“ޔޫހާ….” ޒައުލްގެ އަޑު ފޯނުން އިވުނެވެ. ޔޫހާއަށް ބަލާލެވުނީ ކައިރީގައި ހުރި ލަމްހާއަށެވެ.
“ޔެސް ސަރ” ޔޫހާ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. އޭނަގެ ބޭނުމަކަށްވީ ފޯނުން ވާހަކަދައްކަމުން ދިޔަ މީހަކު ލަމްހާއަށް އެނގުނަ ނުދިނުމެވެ.
“އަހަރެން ގަޑިއަށް އެބަ ބަލަން” ޒައުލް ބުނެލިއެވެ.
“ޔެސް ސަރ…އޯކޭ ސަރ…” ފޯނު ބޭއްވުމާއިއެކު ޔޫހާގެ މޫނުމަތީގައިވި ހިނިތުންވުންފިލާ ހިނގައްޖެއެވެ. ހަށިގަނޑަށް އިޙްސާސްވަމުންދިޔަ ފިނިކަން ކެނޑި ނިތްކުރިން ދާތިކި ފާޅުވެގެންދިޔައެވެ.
“ހާދަ ހާސްވެފަ…ކިހިނެއްވީ” ހުއްޓުން އަރާފައި ހުރިފަދަ ގޮތަކަށް ޔޫހާ ހުރިތަންފެނި ލަމްހާ އަހާލިއެވެ.
“ކަމެއްނުވޭ…” ޔޫހާ ލަމްހާއަށްވެސް ދިނީ މާނައެއްނުވި ހިނިތުންވުމެކެވެ.
ޔޫހާ ޓިޝޫއަކުން މޫނުފޮހެލިއެވެ. އަދި އެމޫނުމަތިން ހާސްކަން ފިލުވާލުމަށް ކުރެވެން އޮތްކަމެއް ވިއްޔާ ކުރިއެވެ.
ދަންވަރު ޑިއުޓީ އާއި ހަވާލުވުމަށް އައި ދެސްޓާފުންނަށް ޔޫހާ އާއި ލަމްހާ ދޭންވާ މަޢުލޫމާތުތައް ދެމުންދިޔައެވެ. އަދި ލަމްހާގެ އެދުމަށް ޔުނީފޯމް ބަދަލުކޮއްހެދުމަށް ލޮކަރ ރޫމަށް ދިޔައީ އެކީގައެވެ. އާމުކޮށް ޔޫހާ އާއިއެކު ޑިއުޓީ ނަގާ ކުދިންނަށްވުރެ ލަމްހާ ހިތްހެޔޮވެފައި ރައްޓެހިކަން ޔޫހާއަށް ފާހަގަކުރެވުނެވެ.
“ހޭ އަދިވެސް އިނީތަ، ޔުނީފޯމް ބަދަލެއް ނުކުރާނަންތަ” ލަމްހާ ދިގު ގޮނޑީގައި އިށީނދެގެން އިން ޔޫހާއަށް ބުނެލިއެވެ.
“އަހަރެން ބަލާ އަންނާނީ ތަންކޮޅެއް ލަހުން އެހެންވެ އަވަސް އަރުލާފަ އުޅުމުގެ ބޭނުމެއްނެތެއްނު…ލަމް އަށް ލަސްވަންޏާ ދިޔައަސް އެންމެ ރަނގަޅޭ، އަހަރެން އެކަންޏެއް ނުވާނެ…ހެ ހެ ހެ ކޮބާ ލަސްވިތަ؟” ޔޫހާގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ޑިއުޓީ ނިންމާފައި އައި އަންހެން ކުދިންތައް ލޮކަރ ރޫމަށް ވަދެއްޖެއެވެ. ލަމްހާވެސް ހީލަމުން ޔޫހާ އާއި ވަކިވީ އޭނަ ދެއްކިވާހަކަ ގަބޫލުކުރަމުންނެވެ. ޔޫހާ ލޮކަރ ރޫމްގައި ފެންވެރުމަށް ޚާއްޞަކުރެވިފައިވާ ބަޔަށް ދިޔައެވެ. ފެންމާގަނޑުން ވެހިގަތް ފެންތިކިތަކުން ޔޫހާގެ އިސްތަށިގަނޑު ތެމެމުންދިޔައެވެ. އޭނަގެ ސިކުނޑިއަށް ފިނިކަމެއް ލިބިދާނެއޭ ހީކުރެވުންވީ މޮޔަކަމަކަށެވެ. ލޮކަރު ރޫމްތެރޭގައި އުޅުނު ސްޓާފުންތައް ފަހަރަކު މީހަކުހެން ނުކުމެގެންގޮސް މުޅިތަނުން ހަމައެކަނި އިވެމުންދިޔަ އަޑަކަށްވީ ފެންމާގަޑުން ވެހެމުންދިޔަ ފެންތިކިތަކުގެ އަޑެވެ.
ސިޑިން ދެވަނަ ފަންގިފިލާއަށް އަރަމުންދިޔަ ޔޫހާ އޭނަގެ އަތުގައި އޮތް މޯބައިލް ފޯނުން އަފްލީންއަށް ގުޅާލިއެވެ. އަދި ކުޑަކޮށް ލަސްވެދާނެކަމުގައި ބުނެ ކިޔާން އޭނަގެ ކައިރީ ބާއްވާލަދިނުމަށް އެދުނެވެ.
“އިޓްސް އޯކޭ، އެކަމަކު އެހާ ލަސްނުވައްޗޭ…ކިޔާން ހުރީ ހުންވައްތަރުވެފަ، މިހާރު ކުޑަކޮށް އެބަ ކެއްސަންވެސް ކެއްސާ” އަފްލީން ބުނެލިއެވެ.
“ހޫމް، އިރާދަކުރެއްވިއްޔާ ލަހެއްނުވާނަން، ޝާއިން ސުވާލެއްކޮއްފިއްޔާ ބުނޭ އަހަރެން ލަސްވެދާނެއޭ” ޔޫހާ ދެވަނަ ފަންގިފިލާގައި ހުރި ލިފްޓަށް އަރަމުން ބުނެލިއެވެ. އަދި ފޯނު ކަނޑާލަމުން އަތްދަބަހުގެ ތެރެއަށް ލިއެވެ.
“ވަދޭ…” ޒައުލްގެ ކޮޓަރީގައި ޓަކިދިން އަޑަށް ބުނެލިއެވެ. އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ކުޑަދޮރު ކުރިމަތީ މަޑުކޮއްލައިގެން ބޭރަށް ނަޒަރުހުއްޓާލައިގެން ހުރި ޒައުލްއަށް ޔޫހާގެ ސޫރަ ކޮންމެވެސް ވަރަކަށް ސިފަވެގެންދިޔައެވެ. އެއާއިއެކު ފަހަތަށް އެނބުރިލެވުނެވެ.
“ޔޫ ލުކް ފްރެޝް…” ޒައުލް ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. ކުރިން ރެއާއި ހިލާފަށް ޔޫހާގެ ކުރިމަތީގައި ހުރީ އޭނައަށް މީގެ ހައަހަރު ކުރިން ޒައުލް ސިފަވެފައިވާގޮތަށެވެ. ޓީޝާރޓަކާއި ޖިންސުގައި ޒައުލް ފެނުމުން ހިތަށް ނޭގޭ ގޮތްތަކެއްވެގެންދިޔައީ ކުރީގެ ހަނދާންތަކެއްވެސް އާވުމުންނެވެ. މަޑުމަޑުން ޔޫހާ އާއި ދިމާލަށް އަންނަން ފެށުމުން އޭނަ ކަންބޮޑުވާގޮތްވިއެވެ. އަވަސް އަވަހަށް މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލަމުން އެއްފަރާތަކަށް އެނބުރިލިއެވެ.
“މިރޭ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބާ؟” ޔޫހާ ސުވާލުކުރިއެވެ.
“ޔޫހާ އަކަށް ނޭގޭ ރުޅިއަންނާކަށް، ލޯބިވާ މީހުންދެކެ ރުޅިއާދެވޭތަ؟” ޒައުލް އަދިވެސް ދިޔައީ ޔޫހާ އާއި ގާތްވަމުންނެވެ. ޔޫހާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. ފަހަރަކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް ފާރުގައި ޖެހުމާއިއެކު ހުއްޓުނެވެ. ޒައުލް ޔޫހާގެ ދެއަތުގައި މަޑުމަޑުން ފިރުމާލަމުން ގޮސް އެރީތި މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ޔޫހާގެ ހަށިގަނޑުވަނީ ވަރަށް ފިނިވެފައިކަން ޒައުލްއަށް އިޙްސާސް ކުރެވުނެވެ. ޔޫހާ ދެކޮޅު ހަދަންބޭނުންވިއެވެ. އެހެންނަމަވެސް އޭނައަށް ގަނޑުވެފައި ހުރެވުނީއެވެ. ދެން ދުވަހަކުވެސް ޒައުލްގެ މަޅިއެއްގައި ނުޖެހުމަށް އަމިއްލަ ޒަމީރަށް ވަމުންދިޔަ ވައުދަށްވީ ކިހިނެއްކަމެއް ނޭގެއެވެ. އަމިއްލަ ނަފްސުވެސް ކޮންޓްރޯލް ނުކުރެވުނީއެވެ. ޒައުލްގެ އެންމެ ބީހިލުމަކުން އެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވީއެވެ. ޒައުލް ޔޫހާގެ ކަނދުރާގައި ބޮސްދިނެވެ. ޔޫހާގެ ތެތް އިސްތަށިގަނޑުގައި އަތްޖެހުމާއިއެކު އޭނައަށް ސިފަވީ ސަފާރީގައި ޔޫހާ ފިނިވެފައި ހުރި މަންޒަރެވެ. ޒައުލްގެ ބެލުންތަކުން ރައްކާތެރިވުމަށް ޔޫހާ ދެލޯމަރާލިއެވެ. އެހަރަކާތްވީ ޒައުލްއަށް ދެވުނު ދައުވަތަކަށްކަމެއް ޔޫހާ ނުދެނަހުއްޓެވެ. ޒައުލްގެ ހޫނު ނޭވާތައް ޔޫހާގެ މޫނަށް އެޅެމުންދިޔައެވެ. ކުއްލިއަކަށް ޔޫހާއަށް ތެޅިގަނެވުނެވެ. ހީވީ އަރާމު ނިންޖެއްގައިވަނިކޮށް މީހަކު އޭނަ ހޭލައްވާލިހެންނެވެ. އަމިއްލަ ނަފްސު އެހެން މީހެއްގެ އަތުގެތެރެއަށް ދޫވެގެންދިޔަ ނުދިނުމައްޓަކައި އޭނަގެ ޒަމީރު ކުރަމުންދިޔަ ހަނގުރާމައެވެ. ޔޫހާއާށް އޭނަގެ ތުންފަތުގައި އަތްތިލަ ޖައްސާލެވުނެވެ. އަދި އަނެއްއަތުން ޒައުލްގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަން މަސައްކަތް ކުރިއެވެ.
“ޔޫހާ…” މަޑަމަޑުން ޒައުލް ޔޫހާގެ ނަން ކިޔާލިއިރު އޭނަދިޔައީ އެއަތުގެތެރެއަށް ޔޫހާ ގެނައުމަށް މަސައްކަތްކުރަމުންނެވެ.
“ނޫން، އަހަރެން ދޫކޮއްލާ…ޕްލީޒް ޒައުލް…” ޔޫހާ މޫނު އަނބުރާލަމުން ބުނެލިއެވެ.
ޒައުލްއަށް ޔޫހާގެ އަޑުއިވުނުހެނެއް ހިޔެއްނުވެއެވެ. އޭނަ އަދިވެސް މަސައްކަތްކުރަމުންދިޔައީ ޔޫހާ އާއި ބޮޑަށް ގާތްވެވޭތޯއެވެ. ނަމަވެސް ޔޫހާ އޭނަގެ މޭގައި ދެއަތްވިއްދާލަމުން ދުރަށް ކޮއްޕާލަން މަސައްކަތްކުރަންފެށުމުން އެންމެ ފަހުން އޭނަ ދޫކޮއްލިއެވެ. އެއާއިއެކު ޔޫހާ ޒައުލްގެ ކައިރިން ދުރަށް ޖެހިލިއެވެ.
“ގަދަބާރުންވިޔަސް ޒައުލްގެ އެދުން ފުއްދެނިކޮށް އެނިމުނީތަ؟ އެކަމަށްތަ އަހަރެން މިކޮޓަރިއަށް ގެނައީ؟” ޔޫހާ މެޔާއި ދިމާލުން ދެއަތްހުރަސްކޮއްލަމުން ބުނެލިއެވެ.
“މީ އަދި ގަދަބާރެއްނޫނެއްނު، ޔޫހާވެސް ބޭނުންވިކަން އަހަންނަށް އެނގޭ، ދެން ކީއްވެ އަހަރެންގެ ބޮލުގަ ތިފަދަ ތުހުމަތެއް ތިއަޅުވަނީ” ޒައުލް ޔޫހާ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
“އަހަރެން….އަހަރެން ބޭނުމެއްނޫން…” އާގަންނަފަދަ ގޮތަކަށް ޔޫހާއަށް ބުނެލެވުނެވެ. އެހިނދު އޭނައަށް ބަލަން ހުރި ޒައުލްގެ ހުނުމުގެ އަޑުއިވިގެންދިޔައެވެ. ލުއި ހުނުމެއްކަމަކު އެހުނުމުގައި އެކުލެވިފައިވީ މަލާމާތެވެ. ޔޫހާ ޒައުލްއަށް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އޭނައަށްވެސް މިހެން ވެދާނެކަމަށް ހީނުކުރެވުނީއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް މިފަދަ ގޮތަކަށް ދޫވެގެން ހިނގައިދާނެ ކަމެވެ.
“ހުރިހާ ކަމެއް ތިކުރަނީ ޔޫހާ، އަހަރެން ގާތްވެލުމުން އަހަންނަށް ދައުވަތުދީ އަހަރެންނަށް ފުރުޞަތުދިނީވެސް ޔޫހާ…އެކަމަކު އިލްޒާމް ތިއަޅުވަނީ އަހަރެންގެ ބޮލުގަ، އަހަރެން ގަދަބާރުން ކަމެއް ކުރަން ބޭނުންނަމަ މިހާރު އަހަރެން އެކަމެއް ކުރާނެތާ ކިތަންމެ އިރެއް، ޔޫހާ ދޮގު ނުހަދާ އެއްފަހަރުވެސް ބުނެބަލަ…އަހަރެންނަށް ބޭނުމެއްނުވޭތަ؟” ޒައުލް ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގެ ހިކަނދިމަސްގަނޑުގައި ހިފާ ގާތްކޮއްލަމުން އެދެލޮލަށް ނަޒަރުހުއްޓާލިއެވެ. ޔޫހާއަށް ޒައުލްގެ ލޯ ހޯދަމުންދިޔަ ޖަވާބު ލިބޭކަށް ބޭނުމެއްނުވިއެވެ. އެހެންވެ އަވަސް އަވަހަށް މޫނު އަނބުރާލިއެވެ. އެއާއިއެކު ޒައުލްވެސް ޔޫހާގެ އަތުން ދޫކޮއްލައިފިއެވެ.
“ކުރިމަތިނުލެވުނު ދޯ…އެހާވެސް އަހަރެން ބޭނުންތަ ނޫނީ ދެންމެވާންއުޅުނުފަދަ ކަމެއް ބޭނުންވަނީތަ؟ ވަރަށްވެސް ފިނި ރެއެއް…ޔޫހާއަކީ ފިންޏަށް ބަލި އަންހެނެއްކަން އަހަންނަށް އެނގޭ، އަހަރެންގެ ހަށިގަނޑުން ޔޫހާއަށް ހޫނުކަމުގެ އިތުރުން އަރާމާއި ފޮނި މީރުކަން އިޙްސާސްކޮއްދޭނަން…” މަލާމާތުގެ ރާގެއްގައި ޒައުލް ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ޔޫހާއެވެ.
“އާން…އާން…އަހަރެން ބޭނުންވި، އެކަމަކު އެއީ ކަލޭވީމައެއްނޫން…ކަލޭ ހީކުރަނީ ކީކޭކަމައްތަ؟” ޔޫހާ ދެރަވެފައިހުރެވެސް ރުޅިވެރި ރާގެއްގައި ބުނެލިއެވެ.
“އަހަރެން ހީކުރަންވީ ކީކޭތަ؟ ޔޫހާ ބުނެދީބަލަ، އަހަރެންގެ ވާހަކައަށް އެއްބަސްވެސް ތިވަނީ އަމިއްލައަށް” ޒައުލް މިހެން ބުނެލިއިރު އޭނައަށް ނޭގޭ ހިތްހަމަޖެހުމެއް އިޙްސާސްކުރެވުނެވެ. އެއީ ޔޫހާގެ އަނގައިން އޭނަ ބޭނުންވާކަން އެނގުމުންކަމެއް ނޫނީ އޭނަގެ ކުރިމަތީ ޔޫހާގެ ނިކަމެތިކަން އިތުރަށް ބޭޒާރުކޮއްލެވުނީމަ ކަމެއް ނޭގެއެވެ.
“އެފަދަ ގުޅުމެއް އަހަރެން ހިންގި ފަހުން ވަރަށް ދުވަސްވެއްޖެ…އެހެންވެ…” ޔޫހާ އަޑަށް ބާރުލަމުން ދެބުމަގޮއްޖާލާފައި ބުނެލިއެވެ.
“އޯ…އެދުވަހަށްފަހު އަދިވެސް އަހަންނަށްޓަކައިތަ ތިހަށިގަނޑު ފޮރުވަމުންތިއަންނަނީ، އެހެންވެތަ އަހަރެންގެ އެންމެ ބީހުމަކުން އަހަންނަށް މަރުޙަބާކީ” ޒައުލް އެއްގޮތަކަށްވެސް ޔޫހާއަށް ދޫކޮއްލާކަށް ބޭނުމެއްނުވެއެވެ. ޔޫހާ އާއި ޖަދަލު ކުރުމުންވެސް އޭނައަށް ނޭގޭ ހިތްހަމަ ޖެހުމެއް ލިބެނީއެވެ.
“ނޫން…އަހަރެންގެ ދިރިއުޅުމަށް އެހެން މީހަކު އަތުވެއްޖެ” ޔޫހާ ބުނެލިއެވެ. ޔޫހާގެ އެޖުމްލައިން ޒައުލް ކަންބޮޑުވާގޮތްވިއެވެ.
“އެކަމަކު އެއްވެސް ލިޔެކިޔުމަކުން އެނގޭކަށްނެތް، މިތަނުގެ ޕޮލިސީއަކީ ވަޒީފާއަށް ވަނުމަށްފަހުވެސް މީހަކާ އިނދެފިނަމަ އަންގަން ޖެހޭނެކަން…” ޒައުލް އޮޅުންފިލުވަން ބޭނުންވިއެވެ. އެވަގުތު ޔޫހާގެ ކޮނޑުގައި އަޅުވާލައިފައި އޮތް އަތްދަބަހުގެ ތެރެއިން ފޯނު ރިންގުވިއަޑުއިވުނެވެ. ޔޫހާ ދަބަހުގެތެރެއަށް އަތްކޮއްޕާލަމުން ފޯނުނަގާ ބަލާލިއެވެ. އޭނައަށް ގުޅަނީ ޝާއިންއެވެ.
“ތި ފޯނަށް ޖަވާބު ދީގެން ނުވާނެ، ޔޫހާ ތިހިރީ އަހަރެން ބޭނުންވެގެން ގެނެސްފަ…އަހަރެން އަހަން ބޭނުން ހުރިހާ ވާހަކައެއް އަދި ނުނިމޭ” ޒައުލް ޔޫހާގެ ގާތަށް ފިޔަވަޅެއް އަޅާލަމުން އަމުރުވެރި ރާގެއްގައި ބުނެލިއެވެ.
“މީ ވަރަށް މުހިއްމު ކޯލެއް، އަހަރެން ކޮންމެހެންވެސް ނަގަންޖެހޭނެ…” ޔޫހާ އާދޭހުގެ ގޮތަކަށް ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“އެއީ ކީއްވެ، އެއީތަ އެމީހަކީ…” ޒައުލް އަހާލިއެވެ. ޔޫހާއަނެއްކާވެސް ބަލާލެވުނީ ފޯނަށެވެ. އޭރުވެސް ފޯނު ރިންގުވެއެވެ.
“ހެލޯ…” ޒައުލް ކޮންމެ ކަމެއް ކުރިޔަސް ހެޔޮކަމަށް ޔޫހާ ފޯނުނެގިއެވެ.
“ކޮންއިރަކުން އަންނަނީ؟ މިރޭވެސް ފައުޒީގެ މަސައްކަތްތައް؟ ކިޔާން ވަރަށް ހުންގަދަ، ވަރަށް ރޮއޭ އެބަ، އަފޫއަކަށް އެސޮރު މައިތިރިއެއްނުވޭ، އަހަރެންނަށް ކުޑަކުދިން ގެންގުޅޭކަށް ނޭގޭ…އަހަރެން މިހާރު މިދަނީ ޔޫހާ ބަލާ، ފައުޒީ ކައިރީ ބުނަންވާ އެއްޗެއް އަހަރެން ބުނެފާނަން” ހާސްކަމާއިއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ޝާއިން ބުނެލިއެވެ.
“ނޫން، އަހަރެން މިދަނީ، އަފޫ ކައިރީ ބުނޭ ކިޔާންގެ ޓެމްޕަރޭޗަރ އިރުއިރުކޮޅާ ބަލާލަދޭށޭ، ރީތިވާ މޭޒު ވަތްގަނޑު ތެރޭ ތެމޯމީޓަރ އޮންނާނެ…އަހަރެން މިދަނީ” ޔޫހާ ކަންބޮޑުވިއެވެ. އޭނައަށް އެންމެ ހިނދުކޮޅަކުވެސް ދެން ޒައުލް ކައިރީ މަޑެއް ނުކުރެވޭނެއެވެ.
“އެއީތަ އެމީހަކީ؟” ޒައުލް އަނެއްކާވެސް ސުވާލުކޮއްލިއެވެ.
“އަހަންނަކަށް ނެތް މިތާ މަޑުކުރެވޭކަށް، ޒައުލްގެ ބޭކާރު ސުވާލުތަކަށް ޖަވާބުދިނުމަށްވުރެ މުހިއްމުކަމެއް އަހަންނަށް ޖެހިއްޖެ” މިހެން ބުނެލަމުން ޔޫހާ ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ. އެހެންނަމަވެސް ޒައުލް މާހުޝިޔާރެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޔޫހާގެ އަތުގައި ހިފިއެވެ.
“ޒައުލް، އަހަރެންގެ އަތުން ދޫކޮއްލާ، އަހަރެން ގެއަށް ދާންއެބަޖެހޭ، ވަރަށް ލަސްވެއްޖެ” ޔޫހާ ޒައުލްގެ އަތް އޭނަގެ އަތުން ނައްޓާލަން މަސައްކަތްކުރަމުން ބުނެލިއެވެ.
“އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ؟ ޔޫހާގެ މުހިއްމުވާވަރުގެ ކަމެއް ނޯންނާނެ؟” ޒައުލް ބުނެލިއެވެ. އޭނަ ޔޫހާގެ އަތުން ދޫކޮއްލާ ހިޔާލެއް ނުކުރިއެވެ.
“އެހެންނުހަދާ އާދޭސްކޮއްފަ މިބުނީ، އަހަރެން ގެއަށް ދިޔަދީ…އަހަރެންގެ ދަރިފުޅު މަރުވެދާނެ…” ޔޫހާ ޒައުލްގެ ފައިބުޑަށްވެއްޓިގަންނަމުން އޭނަގެ ފައިގައި ހިފިއެވެ. ޒައުލް ހުރިތަނަށް ހީވީ ގަނޑުވިހެންނެވެ. ޔޫހާގެ ދަރިއަކު ހުރިވާހަކަ އަޑުއިވުމުންނެވެ. އެއީ ތެދެއްކަން ޔަގީން ނުވާތީއެވެ. އޭނައަށް ޔޫހާގެ ރެކޯޑްސް ފައިލްއިން އެކަން ފާހަގަނުވީހެއްޔެވެ. ނޫނީ އެތަނުން އޭނަގެ އަތްދަށުން ސަލާމަތްވެގެން ދިއުމަށްޓަކައި ހެދި ދޮގެއްބާއެވެ.
“ހެޔޮނުވާނެ…އަހަރެންގެ އަތުން ދޫކޮއްލާ، އަހަރެން ގެއަށްދާން ބޭނުން، އަހަރެންގެ ދަރިފުޅު މަރުވެދާނެ” ޒައުލްގެ ފައިގެ ކަކުލާ ހަމައިގައި ނިތްޖައްސާލި ޔޫހާ ރޯންފެށިއެވެ. ޒައުލްއަށް އިޙްތިޔާރަކާއި ނުލާ ޔޫހާގެ އަތުން ދޫކޮއްލެވުނެވެ.
“އަދިވެސް ވާރޭ އެބަވެހޭ، ޖަމާލު ކާރުގަ ޔޫހާ ގެއަށް ގެންގޮސްދޭނެ” މިހެން ބުނެ ޒައުލް ފޯނުނަގާ ޖަމާލްއަށް ގުޅިއެވެ. އަދި ޔޫހާގެ ހަރަކާތްތަކަށް ބަލަން ހުރެވުނީއެވެ. އޭނައަށް އަރައި މިގަނެވެނީ މީހެއްގެ ހައްޤަކަށްބާއޭ ހިތަށް އަރާވަރުންނެވެ. ޔޫހާ އަވަސް އަވަހަށް ތެދުވެ އޭނަގެ ފައިކައިރީއޮތް ފޯނުން ޝާއިންއަށް ގުޅިއެވެ. މިދަނީކަމުގައި ބުނެ ކިޔާންގެ ހާލު އޮޅުން ފިލުވިއެވެ.
“އެސޮރު ހޮސްޕިޓަލަށް ގެންދަން އަހަންނަށް ފެންނަނީ، ހުމަކަށްނުވޭ އެއްގޮތަވެސް…ރޮއެ ރޮއެފަ ނިދިއްޖެ” ޝާއިން ބުނެލިއެވެ.
“ޝާއިން…އަހަރެންގެ ކިޔާންއަށް ކަމެއްވިޔަ ނުދެއްޗޭ…އަހަރެން މިހާރު މިދަނީ” ޔޫހާ ހާސްކަމާއިއެކު ބުނެލިއެވެ.
ޒައުލް ޔޫހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރީއެވެ. އޭނައަށް ކޮންމެވެސް ވަރަށް ޔޫހާ ފޯނުންދައްކަމުން ދިޔަ ވާހަކަތައް އަޑުއިވުނެވެ. މިފަހަރު ޔޫހާ ހުއްޓުވާކަށް އޭނަ އެއްވެސް ކަމެއް ނުކުރެއެވެ. އޭނައަށް ޔޫހާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއި ހާސްކަން ފެނުނެވެ. އަދި ޔޫހާގެ ވާހަކަތެދުކަން ގަބޫލުކުރަން ހިތްއެދުނެވެ. އެހެންނަމަވެސް އަމިއްލަ ލޮލަށް ފެންނަން ބޭނުންވަނީއެވެ.
“ޔޫހާ، ކާރުގަ ދޯ ތިއަންނަނީ؟” ޔޫހާ ގެއަށް އައުމުގެ މަގުމަތީގައި އުޅެނިކޮށް ޝާއިން ގުޅިއެވެ.
“ހޫމް، މިކައިރި ކުރަނީ…” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ. އޭރު ކާރު ޝާއިންމެންގެ އާއި އަރާ ހަމަވަނީއެވެ. ގޭ ދޮރުމަތީ ހުރި ޝާއިން ޔޫހާއަށް ފެނުނެވެ. ވެހެމުންދިޔަ ބޯވާރޭގައި ދޮރުމަތީ ހިޔާވެލައިގެން ހުރި ޝާއިންގެ މޫނުމަތިން ފެނިގެންދިޔަ ހައިރާންކަން ޔޫހާއަށް ފެނުނެވެ. އެހެންނަމަވެސް ދެމީހުންގެ އެންމެ އިސްކަމަކަށްވީ ކިޔާންއެވެ.
“ޔޫހާ، ކާރެއް ނުލިބުނު އެއްގޮތަކަށްވެސް، ތިކާރުގަ ގެންދެވޭނެތޯ އަހާލަބަލަ؟” ޝާއިން ބުނެލިއެވެ. ޔޫހާ އަވަސްއަވަހަށް ބޯޖަހާލަމުން ހުޅުވާލި ކާރުގެ ދޮރުފަތުން އެތެރެއަށް އަނެއްކާވެސް ދެމިގަތެވެ. އަދި ޖަމާލުގެ ކައިރިން އޭނަ އެދުނެވެ. އެފަދަ ގަޑިއެއްގައި ޖަމާލުއަށްވެސް ޔޫހާއަށް އެހީތެރިވެނުދީ ދާން ނުކެރުނީއެވެ. އެހެންވެ ޔޫހާގެ ގާތު ދަރިފުޅު ގޮވައިގެން ކާރަށް އެރުމަށް ބުނެލިއެވެ. ޔޫހާ އިޝާރާތްކޮއްލުމާއިއެކު ޝާއިން ކިޔާން އުރައިލައިގެން އައިސް ކާރަށް އެރިއެވެ. އަދި ދޮރުމަތީ ހުރި އަފްލީން އަށް ބަލާލަމުން ބޯޖަހާލީ އެދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވުނު ފަދަ ގޮތަކަށެވެ. ކިޔާންގެ ގައިގާ އޮޅާލެވިފައިވާ ރަޖާގައި ހަރުލާފައިހުރި ފެންތިކިތައް ޔޫހާ ފޮޅަމުންދިޔައެވެ. އަދި އެކުޑަކުޑަ މައުސޫމް މޫނަށް ބަލާލިއެވެ.
“އައި އެމް ސޯ ސޮރީ ބޭބީ…” ޔޫހާ ކިޔާންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ޔޫހާގެ އަތްތިލަ ޖެހުމުން ކިޔާން ކުކުރާލަމުން ތުރުތުރު އަޅާލިއެވެ. އަވަސް އަވަހަށް ޔޫހަގެ އަތް ދުރުކޮއްލީ އޭނަގެ އަތްތިލަ ފިނިވެފައިވުމުން ކިޔާންއަށް އުނދަގޫވީކަން އެނގުމުންނެވެ. ސިކުނޑީގެ ހާސްކަން އިންތިހާއަށް ދިއުމުން ބޭއިޙްތިޔާރުގައި ކައިރީގައި އިން ޝާއިންގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ފެންކަޅިވެގެން ދިޔަ ދެލޮލުން ކަރުނަތިއްކަކަށް ފަހު ތިކެއް ކޯތާ ފަތުގައި ބީހިލާފައި ފައިބައިގެން ދެއެވެ. ދޭތެރެއަކުން ޔޫހާ އޭނަގެ ކޯތާފަތް ފޮހެލައެވެ. ޝާއިންއަށް ޔޫހާގެ ބޮލުގައި ބޯޖައްސާލެވުނީ ކީއްވެކަމެއްނޭގެއެވެ. މިވަގުތު ޔޫހާއަށް ހިތްވަރުދޭނެ މީހަކުވެސް ބޭނުންވެއެވެ.
“ދެރަނުވޭ، އިރާދަކުރެއްވިއްޔާ އަހަރުމެންގެ ކިޔާންއަށް ދެރަގޮތެއްނުވާނެ، ވަރަށް އަވަހަށް ހުންގަނޑު ފިލާފާނެ” ޝާއިން ބުނެލިއެވެ. އެހިނދު ހޮސްޕިޓަލާއި ދިމާލަށް ކާރު ދުއްވަމުން ދިޔަ ޖަމާލު އޭނަގެ ކުރިމަތީ ކާރުގައި ހަރުކޮއްފައިވާ ލޯގަނޑުކޮޅުން ޔޫހާ އަށާއި ޝާއިންއަށް ބަލާލިއެވެ.
ކުރިން ރެއަށްވުރެ ޖަމާލު އައުން ލަސްވުމާއިއެކު ޒައުލް ޖަމާލްއަށް ގުޅިއެވެ. ޖަމާލްގެ ވާހަކަ ހުރިގޮތުން އޭރު އޭނަ އުޅެނީ ހޮޓެލަށް އައުމުގެ މަގުމަތީގައިކަން އެނގުނެވެ. އެހެންވެ ޖަމާލު އަންނާނެ އިރަކަށް އޭނަ މަޑުކުރަމުންދިޔައީ ލަސްވި ސަބަބެއް އޮޅުންފިލުވުމަށެވެ. އަނެއްކޮޅުން ސަލާމަތުން ޔޫހާއަށް ގެއަށް ވަދެވުނުކަން ޔަގީންކުރުމަށެވެ.
ސޯފާގައި އެއްފައިމައްޗަށް އަނެއްފައި އެއްލައިގެން އޮށޯވެލައިގެން އޮތް ޒައުލް ނިތުގައި ބާއްވާލެވިފައިއޮތް އަތްނަގަމުން ކޮޓަރިއަށް ވަންނަ ދޮރާދިމާލަށް ބަލާލިއެވެ. އަދި ސޯފާއިން ތެދުވެ ކޮޓަރިއަށް ވަތްޖަމާލް އާއި ސުވާލުކުރިއެވެ.
“މެޑަމް ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހުނީ، މެޑަމްގެ ދަރިފުޅު ވަރަށް ބަލި…ކުޑަ ސާހަބް، އަޅުގަނޑު ވާހަކައެއް އަހާލަންތޯ” ޖަމާލު އިޙްތިރާމާއިއެކު އަހާލިއެވެ.
“ހޫމް…އަހާބަލަ…” ޒައުލް ކުޑަދޮރުގެ ކައިރިއަށް ގޮސް ހުއްޓިލަމުން ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލިއެވެ.
“އަޅުގަނޑަށް ހީވަނީ މެޑަމް އުޅެނީ މީހަކާ އިނދެގެންހެން، މެޑަމްގެ ދަރިއަކު ހުރެފަ، މެޑަމްގެ ދަރިފުޅު ގޮވައިގެން އިނީ މެޑަމްގެ ހަޒްބަންޑުހެން ހީވަނީ، އެދެމީހުން ވަރަށް ގާތްކަން ފާހަގަކުރެވުނު” ޖަމާލު އޭނައަށް ފެނުނު މަންޒަރު ކިޔާދިނެވެ.
ކުޑަދޮރުގެ ކުރިމަތީ ހުރި ޒައުލްއަށް ދެދަތްފިލަ ޖައްސާ ބާރުކޮއްލަމުން ދެލޯ މަރާލެވުނެވެ. އޭނައަށް އިވުނީ އަޑުއަހަން ބޭނުންވިފަދަ ވާހަކަތަކެއްނޫނެވެ. ކިތަންމެ ނޫންކަމަށް ހެދުނަސް ޒައުލްގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. އޭނަ ޖަމާލު ފޮނުވާލީ އެހުރިހާ ކަމެއް އޭނައަށް އެނގޭކަމުގައި ބުނަމުންނެވެ. އަދި އޭނަގެ މިފަދަ ވާހަކަތަކަކީ އެހެން ފަރާތަކަށް އެނގެން ޖެހޭވަރުގެ ވާހަކަތަކެއް ނޫންކަމުގައި ޖަމާލްއަށް އެންގިއެވެ.
“ޔޫހާ މީހަކާ އިނީތަ، ނޫނީ ވަރިކޮއްފަތަ…ދެން އޭނަ އާއިއެކު އެފެނުނީ ކޮންފިރިހެނެއް، އެހެންވީރު އޭނަ އަހަރެންނަށް ދައުވަތު ދިންކަމަށް ހީކުރެވުން އެއީ ކުއްހީއެއްތަ؟ ހުރިހާ ކަމެއް ހަގީގަތުގަވެސް ބަދަލުވީތަ…ކޮންއިރަކު ޔޫހާ ދަރިއަކު ވިހެއީ…” ޒައުލްގެ ސިކުނޑި ހާސްވުމާއިއެކު މުއްކަވާލި އަތުން ބިއްލޫރި ކުޑަދޮރުގައި ޖެހިއެވެ. އޭނަ ޔޫހާ އާއި ގާތްވާން މަސައްކަތްކުރާ ވަރަކަށް އެދެމެދުގައިވި ދުރުކަން އޭނައަށް ސާފުކޮއްފެންނަމުންދިޔައެވެ. އޭނަ ޔޫހާ އާއި ބައްދަލުކުރަން ނިންމިއެވެ. ހުރިހާ ސުވާލަކަށް ޔޫހާގެ ކިބައިން ޖަވާބު ހޯދުމަށް ނިންމިއެވެ. ކޮންމެފަދަ މަޖުބޫރެއްކޮއްގެންވިޔަސްއެވެ. ޒައުލްއަށް އިސްތަށިގަނޑުގައި އަތްހާކާލެވުނެވެ. އަދި އެނދުގައި އޮށޯވެލުމަށް އޭނަ އުޅުނެވެ.
އަވަސްފަރުވާދޭ ބައިގެ އެނދެއްގައި ކިޔާން ބާއްވާފައި އޮތްއިރު އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި ޔޫހާ ކަންބޮޑުވެފައި އިނެވެ. އޭނަގެ ދާދިގާތުގައި ޝާއިން ހުއްޓެވެ. ޔޫހާ މެދުކެނޑުމެއްނެތި ކިޔާންގެ ގައިގާ ފިރުމަމުންދިޔައެވެ. އިރުއިރުކޮޅާ ދަރިފުޅަށް ގޮވާލާނެއެވެ. ހެނދުނުގެ ސައިބުމެއްވެސް އޭނައަކަށް ނެތެވެ. ކިޔާންއަށް ލޯހުޅުވުމާއިއެކު ރޯންފެށިއެވެ. ދަރިފުޅު މަސަލަސް ކުރެވޭތޯ ޔޫހާ އުޅުނު ވަގުތު ޝާއިން ނަރުސް ކުއްޖަކު ހޯދުމަށް ދިޔައެވެ.
ބޮޑުރަޖާގެ ތެރޭގައި ހަށިގަނޑުގެ ބޮޑުބައެއް ފޮރުވާލައިގެން އޮތް ޒައުލްގެ ނަޒަރު ހުއްޓިފައިވަނީ ކުޑަދޮރާއި ދިމާލަށެވެ. މުޅި އުދަރެސް ކަޅުވިލާތަކުން ވަށާލައި ބޯކޮށްވާރޭ ވެހެމުންދިޔަ މަންޒަރަށް ގެއްލިފައި ޒައުލް އޮތެވެ. އަދިވެސް އޭނަ ވިސްނަމުންދިޔައީ ޔޫހާ އާއިމެދުއެވެ. އެމޫނުމަތީގައިވި ހަރުކަށިކަމާއި ބޮޑާކަމުގެ އެއްވެސް އަސަރެއްނެތެވެ. އެއަށްވުރެ އެމޫނުމަތިން މިހާރު ފެންނަމުންދިޔައީ މޮޅިވެރިކަމެވެ.
ގަޑިން މެންދުރު އެކެއްޖަހަނީއެވެ. ޒައުލްއަދިވެސް އޭނަގެ ހޮޓެލް ކޮޓަރީގައި ނިދަންލީ ކުޑަ ސޯޓުކޮޅާއިއެކު އުޅެއެވެ. އޭރު މެންދުރުގެ ކެއުން ހުރީ އެކޮޓަރިއަށް ގެނެވިފައެވެ. ނަމަވެސް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައުލްގެ އަތުގައި ވަނީ ޔޫހާގެ މަޢުލޫމާތު ހިމެނޭ ދެފައިލެވެ. އަލުން އޭނަ ޔޫހާގެ ރިކޯޑްސް ފައިލްތައް ބަލަނީއެވެ. ކުއްލިއަކަށް އަތުގައި އޮތް ދެފައިލް ހޫރާލިއެވެ. އަދި ދެއަތުން ބޮލުގައި ހިފާ ގުދުވެއްޖެއެވެ. އޭނަ ހަޅޭލަވަން ބޭނުންވާކަހަލައެވެ. އެކަަމަކު އޭނަ އެއިޙްސާސްތައް ހަމައަކަށް އެޅުވިއެވެ. އެހެން ގުދަށް އިރުގަނޑެއް ވަންދެން އޮތުމަށްފަހު އޭނަ ތެދުވެގެން ގޮސް މަތިޖަހާފައިވާ ޓްރޭ ހިއްލާލިއެވެ. އެހިނދު ކާންގެނެސްފައިވާ އެއްޗެހިން އަރައިގަތް ހޫނު އާތްވައިއެކު ބަނޑުފުރިގެންދާފަތަ މީރުވަސް ދުވިއެވެ. ހިމޭންކަމާއިއެކު ޒައުލް އިނދެ ކަމުންދިޔައެވެ. އަދި އޭނަ ވިސްނިއެވެ. ޔޫހާގެ ބެލުމުގެ ދަށުގައިވާ ފަރާތަކީ ޔޫހާގެ ފިރިހެން ދަރިފުޅުކަން އޭނައަށް އެނގުނީ ދާދިދެންމެއަކުއެވެ. ޔޫހާ އެހާއަވަހަށް އޭނަގެ މަތިން ހަނދާންނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދިޔައީތީ ޒައުލްގެ އަމިއްލަ ހިތާ ޝަކުވާކުރިއެވެ. ހަމައެއާއިއެކު ޔޫހާ ދޫކޮއްލީވެސް ހުދު ޒައުލްއެވެ. މިހާރު ޔޫހާ ބޭނުންވަނީ ނުލިބޭނެކަން އެނގޭތީބައެވެ. ޔޫހާ ފަދައިން ޒައުލްއަށް ދިރިއުޅުމައިގެން ކުރިއަށްނުދެވި ހުއްޓިފައި ހުންނަންވީ ކީއްވެތޯ އަމިއްލަ ހިތާ ސުވާލުކުރިއެވެ. އޭނަގެ ހުރިހާ އިޙްސާސްއެއް ފޮރުވަމުންދިޔައެއް ކަމަކު އެމޫނުމަތިން އެކަން ފާޅުވެއެވެ. ދޭތެރެއަކުން ކާންއިން ތަށީގައިވާ ސަމްސަލާ އުލަށް ބާރުކޮއްލުމާއިއެކު ހީވަނީ އެއެއްޗެހިވެސް އަތުގެތެރޭ މުގުރާލަން އުޅޭހެންނެވެ.
ޔޫހާ ޑިއުޓީއަށް އަންނަހާއިރު ކޮއްފައި ޒައުލް ރިސެޕްޝަނަށް ގުޅިއެވެ. އެހެންނަމަވެސް އެއްވެސް ރިސެޕްޝަނެއްގައި ޔޫހާއެއް ނެތެވެ. ދެން އޭނަ އަވަސްވެގަތީ ފައުޒީއަށް ގުޅުމަށެވެ.
“ޒައުލް، ޔޫހާ އަކީ އަޅުގަނޑުމެން ހީކުރިފަދަ ރަނގަޅު މުވައްޒަފެއްނޫން، މިއަދު އެބައޮތް ސަލާމް ސެޓުފިކެޓް ފޮނުވާފަ، ދަރިފުޅު ބަލިވެގެންނޯ….މިހާއަވަހަށް ފަރުވާކުޑަކުރަންފެށި މުވައްޒަފެއް ޕާރކްވިއުގައި ބެހެއްޓުމަށް އަޅުގަނޑަކަށް ނުފެނޭ…މިހާރު ފިޔަވަޅުވެސް އަޅަންވެފަ އޮތީ، އެހެންވެ ކުރިންވެސް ޒައުލްއަށް ޔޫހާގެ މައްސަލަ ހުށަހެޅުނީ، އަޅުގަނޑުމެންނަށް އަންގަވާލަދެއްވާ ޔޫހާ އާއިމެދު އަޅާނެ ފިޔަވަޅެއް…” ފައުޒީ ޔޫހާ އާއިބެހޭގޮތުން ބުނެލިއެވެ. އެވާހަކަތަށް އަޑުއަހަން ހުރި ޒައުލް ހައިރާންވިއެވެ. ފައުޒީއަށްވެސް ޔޫހާގެ ދަރިއަކު ހުންނަކަން އެނގެއެވެ. އެކަން ނޭގެނީ ހަމައެކަނި ޒައުލްއަށެވެ.
“އަހަރެން ޕާރސަނަލީ ޔޫހާގެ ކަންތައްތައް ބަލާނަން، ފިޔަވަޅެއް އަޅަންވިޔަސް އަހަރެން އަންގާނަން” ޒައުލްގެ ވާހަކަ ކުރުކޮއްލިއެވެ. އަދި ފޯނު ބޭއްވުމާއިއެކު ޖަމާލްއަށް ގުޅާލިއެވެ.
ރީތިވާމޭޒުކައިރީ ހުރެ ފަހަރަކު ޓައިއެއް ކަރުގައި ޖައްސަމުން ޒައުލް ދިިޔައީ އޭނަ ލައިގެން ހުރި ގަމީހާއި ގުޅޭ ޓައީއެއް ފެނޭތޯއެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މިއަދު އެއްވެސް ކަމެއް ބޭނުންވާގޮތަކަށް ވެދާނެ ކަމާއިމެދު އޭނައަށްވެސް ޝައްކެވެ. ރީތިވާ މޭޒުގެ ވަތްގަނޑުގައި ރީތިކޮށް ބެހެއްޓިފައިވާ ޓައީތަކުގެ ތަރުތީބު މުޅިން ގެއްލިއްޖެއެވެ. އެންމެފަހުން އޮފީހަށް ނުކުންނަ ހިޔާލުދޫކޮއްލުމަށްފަހު ލައިގެން ހުރި ގަމީސް ބަދަލުކޮއްލީ ކަޅުރަތްކުލައިގެ ޓީޝާރޓަކަށެވެ. އަދި ލައިގެން ހުރި ފަޓުލޫނު ބަދަލުކުރީ ޖިންސަކަށެވެ.
“ފިނި ދުވަހެއް ކުޑަ ސާހަބް، މިފަދަ ދުވަހެއްގައި ހޮޓަލުން ބޭރަށް ދުރުވަނީތޯ” ޒައުލްގެ ކޮޓަރިއަށް ވަދެގެން އައި ޖަމާލު ބުނެލިއެވެ.
“އާން، މިއަދު އަހަރެން ހޮޓެލްގައި މަޑުކުރާހިތެއްނެތް، ކާރު ތައްޔާރު ކޮއްފިންތައް؟ އަހަރެން ބޭނުންވަނީ ގެއަށް ދާން” ޒައުލް އޭނަގެ އިސްތަށިގަނޑު ރީތިކޮއްލަމުން އަހާލިއެވެ.
“ލައްބަ” ޖަމާލްގެ ޖަވާބާއިއެކު ޒައުލް އެކޮޓަރިން ނުކުމުގެން ގޮސް ލިފްޓަށްއެރިއެވެ.
ވިއްސާރު ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ދުއްވާއެއްޗެއް ދުއްވުމަކީ ނުހަނު ދަތި އުނދަގޫކަމެކެވެ. ދާންބޭނުންވާތަނަކަށްވެސް ދެވޭނީ ވަރަށް ކެތްތެރިވެގެން އިނދެގެންނެވެ. ޒައުލް މަގުގެ ދަފަރާތަށް ނަޒަރު ހިންގަމުންދިޔައެވެ. މިފަދަަ ފިނިދުވަހެއްގައިވެސް މަގުތަށްމަތީ މީހުން މަދެއްނޫނެވެ. އެހުރިހާ އެންމެންގެ ތެރެއިންވެސް ޒައުލްގެ ނަޒަރު ހުއްޓުނީ ވިއްސާރަ ކޯޓުގައި ފިރިހެނެއްގައި އަތުގައި ހިފާލައިގެން ދުވާރުމަތިން ހިނގާފައިއަންނަ ކުޑަފިރިހެންކުއްޖާއަށެވެ. އެމީހުން ގޮސް ގެއްލެންދެން ބަލަންއިން ޒައުލް އޭނަގެ ފޯނުނަގާ ފައުޒީއަށް ގުޅިއެވެ.
“ހެލޯ، ފައުޒީ…އަދިވެސް ޔޫހާގެ ދަރިފުޅުވަނީ އެހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިތޯ ބަލާބަލަ، ފައުޒީ، ޔޫހާއަށް ގުޅާފަ އަހާ ކޮންބަޔަކުތޯ ދަރިފުޅު އެޑްމިޓް ކުރެވިފައިވަނީ، އެއަށްފަހު އަހަންނަށް ގުޅާތި، ވަރަށް އަވަސް އެނގޭ” ޒައުލް ބުނެލިއެވެ. އަދި ޖަމާލްއަށް ގެއަށް ދިއުމުގެ ބޭނުމެއްނެތްކަމުގައި ބުންޏެވެ. އެހެންނަމަވެސް ކޮންމެވެސް ދިމާލެއްގައި އެހަށް ކާރު ޕާކުކޮއްލަދިނުމަށް އެދުނެވެ.
ގިނައިރުތަކެއްނުވެ ފައުޒީގެ ކޯލް ޒައުލްއަށް ލިބުނެވެ. އެވަގުތަށް އޭނަ ބޭނުންވި ހުރިހާ މަޢުލޫމާތެކެވެ. ފައުޒީގެ ކޯލް ނިންމާލުމާއިއެކު ޒައުލް ޖަމާލަށް ގޮވާލިއެވެ.
“ލައްބަ” ޖަމާލް ބުނެލިއެވެ.
“ރޭގަ މެޑަމް ގެންދިޔަ ހޮސްޕިޓަލް އެނގޭތަ، އެތަނަށް ހިނގާ” ޒައުލް އަރިވެލަމުން ޖަމާލްއަށް ބަލާލާފައި ބުނެލިއެވެ. ޖަމާލް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި ކާރުގެ އިންޖީނު ސްޓާޓުކޮއްލަމުން ޕާކިންޒޯން އިން ކާރު ނެރިލައިފިއެވެ.
އަދިވެސް ކިޔާންވަނީ އަވަސް ފަރުވާދޭ ބައިގައެވެ. ޝާއިން ޑިއުޓީގަޑި ނިމުމުގެ ގަޑިއެއްހާއިރު ކުރިން ގެއަށް އައެވެ. އަދި ހޮސްޕިޓަލުގައިވާ ކިޔާންގެ ހާލުދެކިލާ ހިތުން ކެތްތެރިކަން ކުޑަވެފައިވާ އޭނަގެ ކޮއްކޮ އަފްލީން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.
“ޔޫހާ…” އަފްލީންގެ އަޑުއިވުމާއިއެކު ޔޫހާ ބަލާލިއެވެ.
“ބޭހެއް ނުކެވޭ، އެމީހުންދެނީ އިންޖެކްޝަން…ގަޑިހަމަވާއިރަށް ހުންގަދަވޭ” ފެންކަޅިވެފައިހުރެ ޔޫހާއަށް ބުނެލެވުނެވެ. އަފްލީން ކިޔާން އާއި ގާތްވެލަމުން އެކުއްޖާގެ ގައިގާ ފިރުމާލިއެވެ. ޝާއިން ޔޫހާގެ ކޮނޑުގައި އަތްއަޅުވާލަމުން ހިތްވަރުކުރުމަށް ބުންޏެވެ.
“މަންމައަށް ގުޅަންވީނު، ދޮންތަވެސް މިހާރު ހުންނާނީ ޔޫހާގެ ޚަބަރެއްނުވެގެން ކަންބޮޑުވެފަކަން ޔަގީން، މާލެ އައިފަހުން އަދި ނުވެސް ގުޅަމެއްނު” ޝާއިންދެކުނީ ޔޫހާގެ އާއިލާ އާއި ވާހަކަދައްކާލުމުންވެސް އޭނައަށް އިތުރުހިތްވަރެއް ލިބިދާނެކަމުގައެވެ.
“ނޫން…މިހާރަކު ނޫން” ޔޫހާ ދެކޮޅުހެދިއެވެ.
“ޔޫހާ ގެއަށްގޮސް ފެންވަރާލައިގެން އާދޭ، ރޭގަ އައިގޮަތަށް ތިހުންނަނީ…މެންދުރު ނުވެސް ކައިކަންނޭގެ ތިހުރީ، ދޮންބެ، ދޭ ޔޫހާ ގޮވައިގެން ގެއަށް…ފްރެޝްވެލައިގެން އަންނަން، އިރާދަކުރެއްވިއްޔާ ކިޔާންއަށް ދެރަގޮތެއް ނުވާނެ، އަހަރުމެން މިތިބީނު، ޔޫހާ އާއި ކިޔާންއަށް ހުރިހާ ގޮތަކުން އެހީވާނަން، ތިފަދަ ދައްތައެއް ނުލިބޭނެ އަހަންނަށް، އަދި މިފަދަ ކޮއްކޮއެއްވެސް….” އަފްލީން ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޔޫހާ ނުރޯން ހުއްޓަސް އޭނަގެ ސިކުނޑިވަނީ ހާސްވެކަންބޮޑުވެފައިކަމުން ލޮލަށްޖަމާވަމުންދިޔަ ކަރުނަތަކެއް ނުހިފެއްޓުނެވެ
“އޭ އަދި ރޯކަށް ނުވައެއްނު، އަފޫބުނިހެން ހިނގާބަލަ ގެއަށްގޮސް ތާޒާވެލަން، އޭރުން ރަނގަޅަށް ވިސްނޭނީވެސް، ޔޫހާތީ ރޯވަރަށްވުރެ ހިތްވަރުގަދަ މީހެއްކަން އަހަންނަށް އެނގޭ…ދެން ހުއްޓާލާ، މިތާތިބި މީހުން މިހާރު އެބަ ބަލަންވެސް ބަލާ، ހިނގާ ދަމާ…” ޝާއިން ޔޫހާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ނުކުންނަން އުޅުނެވެ. ޔޫހާ ދެލޯފޮހެލަމުން ޝާއިން އާއި އަފްލީންގެ އެދުން ގަބޫލުކުރިއެވެ. އަދި އޭނަގެ އަތްދަބަސް ހިފައިގެން ޝާއިން އާއިއެކު ގެއަށް ދިއުމަށް ހިނގައިގަތެވެ.
ހޮސްޕިޓަލަށް ވަދެގެން ދިޔަ ޒައުލް އާއި ދިމާލަށް ގިނަބައެއްގެ ލޯތަށް އަމާޒުވިއެވެ. އެހެންނަމަވެސް އޭނަގެ އަވަސް ފިޔަވަޅުތަކުގައި ޖަމާލް އާއިއެކު ގޮސް އަވަސްފަރުވާދޭ ބަޔަށްވަނެވެ. ޖަމާލު އަވަސްފަރުވާދޭ ކައުންޓަރުގައި ޔޫހާ އާއި ކިޔާންގެ ވާހަކައެހިއެވެ. ކައުންޓަރު ދޮށުގައިއިން ބޭރު ނަރުސްކުއްޖާ ޖަމާލްއަށް ބަލާލުމަށްފަހު ޒައުލްއަށް ބަލާލިއެވެ. އަދި ފައިލެއްގައި ހުރި ގަނޑުތަކެއް ބަލާލުމަށްފަހު ކިޔާން ބާއްވާފައިއޮތް އެނދުގެ ނަންބަރު ބުނެދިނެވެ. ޖަމާލްގެ ފަހަތުން ޒައުލް ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ދެކޮނޑުއަރުވާލައިގެން ހުރެ ހިނގަމުންދިޔައިރު ހީވަނީ މީހާ ކުޑަވާން މަސައްކަތްކުރާހެންނެވެ. ޖަމާލް ހުއްޓެމުން ޒައުލްއަށް ކިޔާންއޮތް އެނދު ދައްކާލިއެވެ. ޒައުލްއަށް ފެނުނުމަންޒަރު ގަބޫލުކުރަން ދަތިވިއެވެ. ޖަމާލްއަށް އިނގިލިން އިޝާރާތްކޮއްލީ ޒައުލް އާއިއެކު އައުމަށެވެ.
“ޖަމާލް އާރ ޔޫ ޝުއަރ، އެއީތަ ހަމައެ އެނދަކީ…ސިސްޓަރ ގާތު އަލުން އަހާލަންވީނު” ޒައުލް ޖަމާލް އާއިއެކު އެއްފަރާތަކަށް ޖެހިލަމުން ބުނެލިއެވެ.
“ސިސްޓަރ ދެއްވި ބެޑްނަންބަރު އެއީ…ކުޑަސާހަބް ބޭނުންވެލައްވަންޏާ އަދިވެސް ޔަގީންކޮއްލަ ދީފާނަން” ޖަމާލްއަށްވެސް ޒައުލްއަށްވީގޮތެއް ނަގައިގަންނާކަށް ނޭގުނެވެ.
“ނޫން، އެންމެ ރަނގަޅު، އަހަރެން ގުޅަންދެން ޖަމާލް ކާރުގަ މަޑުކޮއްލާ…” ޒަައުލް ހަށިފުރާނޭވާއެއްލަމުން ބުނެލިއެވެ. އަދި ކިޔާން ބާއްވާފައި އޮތް އެނދާ ދިމާލަށް ހިނގައިގަތެވެ. އޭނައަށް އަފްލީން އާއި އެނދުގައި އޮތް ކުޑަފިރިހެން ކުއްޖާމީގެ ކުރިންވެސް ފެނިފައިވެއެވެ. ހައިރާންވީ އެހެންވެއެވެ. އެކުޑަފިރިހެން ކުއްޖާ ފެނުމުން ޒައުލްގެ ހިތަށް އުނދަގޫވެއެވެ. ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ލަގްޒަރީ ހޮޓެލްގެ ބިންގާއެޅުމަށްޓަކައި ދިޔަދުވަހު ކާރުގައި އިންދާ އޭނައަށް ފެނުނު އާދިޔާއިހިލާފު ކުޑަފިރިހެން ކުއްޖާއެވެ. އަދި އެކުއްޖާގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާވެސް އެއިނީ ޒައުލްއަށް މިހާރު ފެންނާށެވެ. އެނދުގައި އޮތް ކުޑަކުއްޖާގެ ގައިގާ ފިރުމަމުންދިޔައިރު އޭނައާއި އެނދުގައި އޮތް ކުއްޖާ އާއި ވަރަށް ގާތްކަން އެނގެއެވެ.
“ހައި…” ޒައުލް ޖެހިލުންވެފައިހުރެ ބުނެލިއެވެ. ވަކިއެއްޗެއް ނުބުނެ އަފްލީން ކިޔާންގެ އެނދުގެ ފައިލާކޮޅުގައި ހުއްޓިލައިގެން ހުރި ޒުވާނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަފްލީންއަށް ފުރަތަމަ ފެނިލުމުންވެސް ޒައުލްއަކީ އާދައިގެ މީހެއްނޫންކަން ނަގައިގަނެވުނެވެ. އޭނައަށްވެސް ކޮންމެވެސް ތަނަކުން ޒައުލް ފެނިފައިވާ ހަނދާނެއްވިއެވެ.
“ޔޫހާ…” ޒައުލް ބުނެލިއެވެ.
“ޔޫހާ….ޔޫހާގެ ރަޙުމަތްތެރިއެއް ދޯ، ޔޫހާވީ ގެއަށްގޮސް، އިރުކޮޅަކުން އަންނާނީ” އަފްލީން އިށީނދެގެން އިން ގޮނޑިން ތެދުވެ ޒައުލްއަށް ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. ޔޫހާގެ ރަޙުމަތްތެރިއަކާއި ދިމާވުމުން އަފްލީން އުފާވިއެވެ.
“ޔޫހާ އަންނަންދެން މަޑުކޮއްލިޔަސް އެންމެ ރަނގަޅުތަ؟” ޒައުލްވެސް ހިނިތުންވެލަމުން އަހާލިއެވެ. އަފްލީން ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ.
އަފްލީންއަށް ޒައުލްއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލުން ނޫންކަމެއް ނުކުރެވެއެވެ. އެކުން އެދެމެދުގައި ދައްކާނެ ވާހަކައެއްވެސް ނެތީއެވެ. ޒައުލްވެސް ހަމަ އެފަދައެވެ. އެކަމަކު އޭނަގެ ސަމާލުކަން އެނދުގައި އޮތް ކިޔާންއަށް ދެވޭލެއް އިތުރުވެގެންދިޔައެވެ. ބައެއްފަހަރު އޭނައަށް އޭނަގެ ކުޑައިރުގެ ފޮޓޮއަކަށް ބަލަންއިނދެވޭހެންވެސް ހީވެއެވެ. އެކުއްޖާފެނުމުން ޒައުލްގެ ކުޑައިރުގެ ހަނދާންތައް އާވެގެންދަނީ އެހެންވެއެވެ.
“ކިޔާން…މީ ޔޫހާގެ ދަރިފުޅު ދޯ” ޒައުލް ކިޔާންއަށް ބަލަންއިނދެ އަހާލިއެވެ. އޭނައަށް ޔޫހާގެ ރެކޯޑްފައިލްތަކުން ޔޫހާގެ ދަރިފުޅަށް ކިޔާނަން އެނގިފައިވެއެވެ. އެނޫން އިތުރު މަޢުލޫމާތެއް އެއްވެސް ފައިލަކުން އޭނައަކަށް ނުލިބުނެވެ.
“ހޫމް…” އަފްލީން ހައިރާންވެފައި ހޫންލައްވާލިއެވެ. ޔޫހާގެ ރަޙުމަތްތެރިއަކަށް އޭނަގެ ދަރިއަކު ހުރިކަން ނޭގޭހެން ހީވެގެންނެވެ.
“އައި އެމް ޒައުލް” އަފްލީންގެ ބަލާލުމުން ޒައުލް އާއިމެދުވާ ދުރުކަން ކުޑަކުރުމަށްޓަކައި އޭނަގެ ނަންބުނެލަމުން ސަލާމަށް އަތްދިއްކޮލިއެވެ.
“އައި އެމް އަފްލީން…” ތުއިގޮތަކަށް އަފްލީން ހިނިތުންވެލަމުން ޒައުލްގެ އަތުގައި ހިފާ ސަލާމްކޮއްލިއެވެ. އޭނަގެ ކުރިމަތީގައި އިން ނުދަންނަ ޒުވާނާގެ ރީތި ސޫރަ އާއިއެއްވަރަށް ކަމުދާ ސްޓައިލެއްވެސް ހުރިކަން އޭނައަށް ފާހަގަވިއެވެ.
“މިހާރު ކިޔާންގެ ހާލު ކިހިނެއްތަ، އެނގުނު ގޮތުގަ ރޭދަންވަރު ހޮސްޕިޓަލަށް ގެނައި…ކީކޭ ޑޮކްޓަރުން ބުނަނީ” ޒައުލް ވާހަކަދެއްކިއެވެ.
“ރޯޯގާޖެހިގެން ހުންއައީ، ދެން މޫސުމައަށް އައިބަދަލާއިގުޅިގެން ވެގެން އުޅޭގޮތެއް ކަމަށް ބުނަނީ، ހުންމަޑުނުވާތީ މައްސަލައަކީ، ޔޫހާ ހުންނަނީ ވަރަށް ކަންބޮޑުވެފަ…ބައިދަވޭ، ޔޫހާ ދުވަހަކުވެސް ނުބުނޭ އޭނަގެ ތިހާ ސްމާރޓް ފްރެންޑެއް ހުންނަ ވާހަކައެއް” އަފްލީންވެސް ޒައުލްގެ ވާހަކައިގައި ބައިވެރިވަމުންދިޔައެވެ.
“ހެ ހެ ހެ ހެ…އެއީ ޔޫހާގެ ކަމެއްތާ އޭނަ ނުބުނުން، ޑޯންޓް ބްލޭމް މީ…ވާހަކައެއް އަހާލަންތައް؟ އެއްޗެއް ހީނުކުރައްޗޭ” ރަޙުމަތްތެރި ރާގެއްގައި ޒައުލް ބުނެލިއެވެ.
“އޯކޭ…އަހާބަލަ” އަފްލީން ހިނިއައިސްފައި ކުޑަކޮށް ގޮނޑިވެސް ޒައުލްއާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. ހީވީ ޒަައުލްއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދީފައިވާހެނެވެ. އެވަގުތު ކިޔާން ފުރޮޅިލިއެވެ. ހަމަޖެހިލައިގެން އިން އަފްލީން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކިޔާންގެ ހާލު ބާލިއެވެ. ކިޔާންގެ ނިތުގަ އާއި ކަރުދޮށުގައި އަތްޖައްސާލެވުނެވެ. އަފްލީން އަނެއްކާވެސް ހަމަޖެހިލީ ކިޔާންއަށް ނިދިފައިއޮތުމުންނެވެ. އަދި ޒައުލް ބުނަންއުޅޭ އެއްޗެއް އެހުމަށް ތައްޔާރުވެލިއެވެ.
“ޔޫހާގެ ކޮއްކޮއެއްތަތީ؟” ޒައުލް އަހާލިއެވެ.
“އެހެން ހީކޮއްލާ” އަފްލީން ހިނިއައިސްފައި ބުނެލިއެވެ.
“އެކަމަކު ހާދަ ހީނުވެއޭ، ޔޫހާގެ ފިރިމީހާ ނާދޭތަ ހޮސްޕިޓަލަކަށް، މިބުނީ ކިޔާންގެ ބައްޕަ” ޒައުލް އަހާލިއެވެ. އެއާއިއެކު އަފްލީންގެ މޫނުމަތީގައިވި ހިނިތުންވުން ފިލާގޮސް ބީރައްޓެހިވެއްޖެއެވެ. އޭނަގެ އޮމާން ނިތްކުރިއަށް ރޫޖެހިލައިފިއެވެ.
“ޔޫހާގެ ޕާރސަނަލް ލައިފާއި ބޭހޭގޮތުން ސުވާލުކުރުން އެންމެ ރަނގަޅުވާނީ ޔޫހާ އާއި، އަހަންނަށް ފެންނަނީ ޒައުލް ޔޫހާގެ ގާތުގައި ތިސުވާލު އަހަން” އަފްލީން ގެ އަޑުގައިވެސް ކުރީގައިވާ ގާތްކަމެއްނެތްކަން ޒައުލްއަށް ފާހަގަވިއެވެ. އެހާބޮޑަށް އަފްލީންގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުވާންވީ ސަބަބެއް ނުވިސްނުނެވެ.
“ޔޫހާ…” އެދެމެދަށްވެރިވި ހަމަހިމޭންކަން މެދުކެނޑިގެންދިޔައީ އަފްލީން ޔޫހާގެ ނަންކިޔާލުމާއިއެކުއެވެ. އިސްޖަހާލައިގެން ކިޔާންގެ އެނދުގައި ކުޑަކޮށް އިށީނދެލައިގެން އިން ޒައުލް އަފްލީންއަށް ބަލާލިއެވެ. އަދި އަފްލީންގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް އޭނަވެސް ބަލާލިއެވެ. އެމީހުންނާއި ދިމާލަށް ވަދެގެންއަންނަ ޔޫހާ އާއި އޭނަ އާއިއެކު ހުރި ޒުވާނާ ޒައުލްއަށް އެވަގުތުފެނުނެވެ. ޔޫހާގެ ހަޔާތުގެ ބައިވެރިއަކަށް ހޮވިފަރާތަކީ އެއީކަމުގައި ޒައުލްއަށް ޔަގީން ކުރެވުނެވެ. އަދި އެޒުވާނާގެ ނަން ނޭގުނު ކަމުގައިވިޔަސް އެއީ ކާކުކަން ޒައުލްއަށް އެނގުނެވެ.
ކުއްލިއަކަށް ހުއްޓުންއެރި ޔޫހާއަށް ޝާއިން އަވަސްނަޒަރެއްދިނެވެ. ޝާއިން ކިހިނެއްވީތޯ އަހާލުމުން ޔޫހާ ދެފަރާތަށް ބޯހޫރުވާލިއެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއިއެކު އޭނަގެ ދަރިފުޅާއިމެދު ހިތުގައިއޮތް ބިރުވެރިކަން ބޮޑުވަމުންދިޔައެވެ.
“އެއީ ޒައުލް….މިތާ ކީއްބާއެކުރަނީ…” ޝާއިންއަށް ޒައުލް ފެނުމާއިއެކު ހިތާހިތާ ބުނެލެވުނެވެ. އަދި މުޅި މީހާ ސުވާލުން ފުރުނެވެ.
“ގުޑް އީވްނިންގ ސަރ…ހޮސްޕިޓަލްގައި އަނެއްކާ ބަލިވީތޯ” ޝާއިން ހިނިއައިސްފައި ޒައުލްއަށް ސަލާމަށް އަތްދިއްކޮއްލިއެވެ.
“ނޫނޭ ބަލިވީކީނޫން، އާއިލާ ކުއްޖަކަށް ގޮވާލަން އައިސް އިމަރޖެންސީގައި ޔޫހާގެ ދަރިފުޅު އޮތްކަން އެނގިފައޮތީމަ ވަދެލީ…” ޒައުލްގެ ވާހަކަ އޮމާނެވެ. އެހެންވިޔަސް އެތަނުގައި ހުރި އަފްލީންއަށް ހައިރާންކަންވެރިވެގެންދިޔައެވެ. ޒައުލް އާއި އެންމެ ފުރަތަމަ ވާހަކަދެއްކީ ޝާއިންއެވެ. އެކަމަކު ޒައުލްގެ ސުވާލުތައް އަމާޒުވެގެންދިޔައީ ޔޫހާއާއި ގުޅޭގޮތުންނެވެ. މިވަނީ ކިހިނެއްކަމެއް އަފްލީންއަށް ނޭގުނު ކަމުގައިވިޔަސް ޒައުލް އެތަނަށް އައުމުގެ ކޮންމެވެސް ބޭނުމެއްވާކަން އޭނައަށް ނަގައިގަނެވުނެވެ. އަފްލީން ހީމެންކަމާއިއެކު ހުރީ ޔޫހާ ޒައުލް އާއި ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް އުދާސްވެފައިވާ މޫނަކާއިއެކު ޔޫހާވެސް ހުރީ ހިމޭނުންނެވެ. ދަރިފުޅު ކިޔާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރަޙުމަތްތެރިކަމުގެ އެއްވެސް އިޝާރާތެއް ޒައުލް އާއި ޔޫހާގެ މެދުގައި ނުވެއެވެ.
“ޔޫހާ،ކިޔާންގެ ހާލު ރަނގަޅުވުމުން ޑިއުޓީއަށް ނުކުތަސް އެންމެ ރަނގަޅު، ދަރިފުޅު މުހިއްމުވާނެ އެހެންއެއްވެސް ކަމަކަށްވުރެ ބޮޑަށް…އެހެންނު…ނަން ހަނދާނަކަށް ނާދޭ…” ޒައުލް ވާހަކަ ނިންމާލީ ޝާއިންއަށެވެ.
“ޝާއިން…” އަފްލީން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“ހެ ހެ ހެ ހެ ހެ…ޝީޒް މައި ސިސްޓަރ” ޝާއިން އަފްލީންއަށް ބަލާލަމުން ހީލާފައި ބުނެލިއެވެ. އަފްލީންގެ ނަޒަރު ޒައުލްގެ ފަރާތުން ކަމެއް ހޯދަމުންދިޔަކަން ހުދު ޒައުލްއަށްވެސް އެނގުނެވެ. އެހެންވެ އެތަނުގައި މާގިނައިރު ހުރުމަކަށް ހިޔާލެއް ނުކުރިއެވެ.
“ޑިއުޓީއަށް ނުކުތުމުން ދިމާވާނެ ކަމަށް އުއްމީދު ކުރަން، ދެން ގޮސްލަނީ” ޒައުލް ޔޫހާއަށް ބަލާލުމާއިއެކު ޔޫހާ ދެބުމަގޮއްޖަހާލިއެވެ. ޝާއިންވެސް ހުރީ ޒައުލްގެ ރަޙުމަތްތެރިކަން ފެނި ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ. ޒައުލް ދިއުމުގެ ހުއްދައަކަށް އެދުމުން ޝާއިންއަށް ބޯޖަހާލެވުން ނޫން ކަމެއް ނުކުރެވުނެވެ. އިތުރު ހައިރާންކަމެއް ވެރިވެގެންދިޔައީ ޒައުލްގެ ފަހަތުން ޔޫހާ ހިނގައިގަތުމުންނެވެ. އެހެންނަމަވެސް ވެރިޔާއަށް ކަމޭހިތުމުގެ ގޮތުން ކުރިކަމެއްކަމުގައި ޝާއިންއަށް ވިސްނުނު އިރު އަފްލީންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވިއެވެ. އަފްލީން ދަތްދޮޅީގައި ހިފަހައްޓާލަމުން ކޯތާފަތުގައި އިނގިއްޔަކުން ޖަހާލަ ޖާހަލަ ހުރީ ޒައުލްގެ ފަހަތުން ނުކުމެގެންދާ ޔޫހާއަށް ބަލަހައްޓައިގެންނެވެ.
“މިތަނަށްވެސް އައީތަ، ކިހިނެއްވެގެންތަ ޒައުލް ތިއުޅެނީ” ޔޫހާ ސިއްރުންނަމަވެސް ކުދިކިޔާލިއެވެ. އެއަޑުގައިވާ ރުޅިވެރިކަން ޒައުލްއަށް ނަގައިގަނެވުނެވެ.
“އަހަރެންވެސް ޔޫހާގެ ތިވާންއުޅޭ ފިރިމީހާ ބަލާލުމަކުން ގެއްލުމެއްނެތެއްނު، ނޫނީ އެއީ ކިޔާންގެ ބައްޕަތަ؟ ވަރިކޮއްލީތަ؟” ޒައުލް ބުނެލިއެވެ. ޔޫހާއަށް ދެދަތްފިލާ ޖައްސާބާރުކޮއްލަމުން ދެލޯމަރާލެވުނެވެ. އައިރުޅި ކޮންޓްރޯލް ކުރުމަށްޓަކައެވެ.
“އަހަރެން ވަރިކޮއްފަ ހުއްޓަސް، އެއީ ކިޔާންގެ ބައްޕައަށްވިޔަސް…އެކަމާ ޒައުލް އާއި ކޮންބެހޭކަމެއް، އަހަރެންވެސް ޒައުލްގެ ޒާތީ ދިރިއުޅުމުގެ ތެރެއަށްވަންނާކަށް މަސައްކަތެއް ނުކުރަން، ކީއްވެތަ އަހަރެންގެ އަމިއްލަ ހާލައިގެން ދޫކޮއްނުލަން ތިއުޅެނީ” ޔޫހާ ބުނެލިއެވެ. ޒައުލް އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެންދިޔައީއެވެ. އަވަސްފަރުދާބައިގެ ދޮރުކައިރީ ޔޫހާ ޒައުލް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
ދެތިންދުވަހުގެ ތެރޭ ކިޔާންގެއަށް ދޫކޮއްލައިފިއެވެ. ކުޑަހިނދުކޮޅަކަށްވިޔަސް ޔޫހާއަށް ލިބުނު ހުރިހާ ނުތަނަވަސްކަމެއް ފިލާދިޔަފަދައެވެ. އަނެއްކޮޅުން ޑިއުޓީއަށް ނުކުތުމުގެ ކުރިން އެއްދުވަހުގެ ޗުއްޓީއެއް ޔޫހާ ނެގިއެވެ. އެހެންނަމަވެސް އެއީ އޮފީހުގެ އެއްވެސް މީހަކަށް އެންގުމަކާއިނުލާ އޭނަ ނެގި ޗުއްޓީއެކެވެ. ދަރިފުޅާއިއެކު އެއްދުވަސްއެއްކޮށް ހޭދަކޮއްލަން ބޭނުންވެގެންނެވެ. އޭނަގެ ހިތްއެދޭގޮތަށް މުޅިދުވަސް ހޭދަކޮއްލުމާއިއެކު ޔޫހާ ޑިއުޓީއަށް ނުކުތެވެ. އެހެންނަމަވެސް އޭނައަށް ޒައުލްގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރައެވެ. ނަމަވެސް ޔޫހާއަށް ޒައުލް އާއިމެދު ކުރިއަށްވުރެބޮޑަށް ވިސްނަންފެށުނެވެ.
“ވިސްނޭނެއެއްނު، އަންހެން ކުއްޖެއްވިއްޔަ…މިހާރު ބުނެފިން ދެން އަވަހަށް މާލެ އަންނާށޭ” ގޭގައި ގެންގުޅޭ ކުއްޖަކުލައްވާ ސިޓިންރޫމުގެ ކުޑަދޮރުތަކުގައި ހުރި ދޮރުފޮތިތައް ބަދަލުކުރުވަމުން ލާއިގާ ވާހަކަދެއްކިއެވެ. އޭރު ސޯފާގައި ނޫހެއް ހިފައިގެން މަންސޫރުއިނެވެ. އަދި އޭނަގެ ދޮށީދަރިފުޅު ލޫލުއާވެސް ޓީވީ ބަލަން އިނެވެ.
“މާމާ، ކޮއްކޮ ޓްރެވެލް އެކުރަނީ އޭނަގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ނިކަން ކޮއްކޮ އީލާކްއަށްވެސް ފުރުޞަތުދެއްވަބަލަ، ރަނގަޅު ހަރަދުދަނާ ކުއްޖަކަށް ކޮއްކޮވެސް ވާނެކަން އަޅުގަނޑަށް ޔަގީން…އެކަމަކު ހިތަށް އަރާ ކޮއްކޮގެ ފަރުމާތަށް ހުންނާނީ ކޮންގޮތަކަށްބާއޭ…” ލޫލުއާ ގާތަށް ހިނިއައެވެ.
“ތެދެއް މަންމާ، ހަގު ކުއްޖާއަށްވީމަ އުޅޭނީ އެކަހަލަ ގޮތަކަށް، ލޫލުއާ ބުނިހެން އަހަރުމެން އެންމެންގެ އެއްބާރުލުން އީލާކްއަށް ބޭނުންވާނެ، އޭނަ އެންމެ ކުރާހިތްވި މަސައްކަތަކީ އެއީވިއްޔަ…” ނޫހަށް ނަޒަރު ހިންގަމުންދިޔަޔަސް މަންސޫރުގެ ކަންފަތްވަނީ ދެކެވެމުންދިޔަ ވާހަކައަށްވެސް ސަމާލުވެފައެވެ.
“މާމަ ތިކުދިންނަށް އެއްބާރުލުން ދެމެންނު، މާމަވެސް ބޭނުމޭ އީލާކްގެ އެފެޝެން ޝޯއެއްތޯ އެއްޗެއް ބާއްވާތަން ބަލާލަން، އެދަރިއަށް ފެހުމުގެ ހުނަރު ލިބިފައިވާލެއް ފުރިހަމަ ކަމާއިމެދު ޝައްކެއްނުކުރަން….ދަރިފުޅު ލޫލުއާ ބުނިހެން މާމަވެސް ހިތަށްއަރާ އެފަހާ ހެދުންތައް މީހުންނަށް ލާންކެރޭ ފަދަ ގޮތަކަށް ބާއޭ ހުންނާނީ” ލޫލުއާ އާއި މަންސޫރަށް ބަލާލި ލާއިގާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އެވަގުތު ސިޓިންރޫމުގެ ދޮރުކައިރިން ޒުވާނަކު ސަލާމް ގޮވާލި އަޑުއިވުނެވެ. ސޯފާގައި އިން މަންސޫރުގެ އިތުރުން ލޫލުއާވެސް އެދިމާލަށް ބަލާލިއެވެ. ލާއިގާ ސަލާމް ބަލައިގަންނަމުން އެޒުވާނާއަށް އެތެރެއަށް ވަނުމަށްއެދުނެވެ.
“ހާޒިމް، އަވަހަށް އާދޭ…ކިހިނެއްވީ ރަސްމީކޮށް ގެއަށް އަންނަންޖެހުނީ، ބައްޕަގެ ހާލަކީ ކޮބާތަ؟ މާލޭގައި އެބަ އުޅުއްވާތަ؟” މަންސޫރު ސޯފާކައިރިން ދުރަށް ޖެހިލަމުން އެއްފަހަރާ އެތަށް ސުވާލެއް ކޮއްލިއެވެ.
“އަޅުގަނޑު މިއައީ ޒައުލް ބޭނުންވެލެއްވި ބައެއް ލިޔުންތައް ހިފައިގެން،ބައްޕަގެ ހާލު އެކަހަލަ ގޮތެއް، އަދިވެސް ވީ ސިންގަޕޫރުގަ މާލެ ދުރުވާނެ ދުވަހެއް އެއްގޮތަކަސްވެސް ނޭގެ…މަންސޫރު ކިހިނެއްތޯ؟” ހާޒިމް ހިތްހެޔޮ ކަމާއިއެކު މަންސޫރާއި ވާހަކަދައްކަމުން ކުރިއަށް އައި ހާޒިމްގެ ލޮލުގައި ސޯފާކައިރީ ތެދުވެހުރި ރީތި އަންހެން ކުއްޖާ އަޅައިގަތެވެ. މަންސޫރުގެ ދަރިއެއްކަމަކު އަދި ހާޒިމްއަށް ލޫލުއާ އެފެނުނީއެވެ. ލޫލުއާ އާއި ހާޒިމްގެ ނަޒަރު ބައްދަލުވި ހިނދު ލުއިލުއި ހިނިތުންވުމެއް ބަދަލު ކުރެވިގެންދިޔައެވެ.
“ލޫލުއާ، ދަރިފުޅު ދޭބަލަ ޒައުލްކޮއްކޮގާތު ހާޒިމް އައިސް ހުރި ވާހަކަ ބުނަން” މަންސޫރު ލޫލުއާގެ ކޮނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.
ހާޒިމް މަންސޫރުގެ އެދުމާއިއެކު އައިސް ސޯފާގައި އިށީނެވެ. ލާއިގާ މެހެމާން ދާރީ އަދާކުރުމަށް އަވަސްވެގަތެވެ. މަންސޫރުގެ އަމިއްލަ ވާހަކަތަކުގައި ހާޒިމް ބައިވެރިކުރަމުންދިޔައެވެ. މަޑުމައިތިރިކަމާއިއެކު ހާޒިމްވެސް މަންސޫރުގެ ވާހަކަތަކުގައި ބައިވެރިވިއެވެ. ލޫލުއާ އައިސް މަންސޫރުގެ ގާތުގައި މަޑުކޮއްލުމާއިއެކު ޒައުލް ފެންނަން ނެތުމުން ސުވާލުކުރިއެވެ.
“ޒައުލްކޮއްކޮ އެދުނީ ހާޒިމް ލައިބްރަރީއަށް އައުމަށް…ވަރަށް މުހިއްމު ލިޔުންތަކެއް ބަލަންއިނީ” ލޫލުއާ މަންސޫރަށް ބަލާލަމުން ބުނެލިއެވެ.
“އަޅުގަނޑު މިއައީވެސް ޒައުލް އެދިލައްވައިގެން” ހާޒިމްވެސް މަންސޫރަށް ބަލާލާފައި ބުނެލިއެވެ.
“އެހެންވީރު ދަރިފުޅު ދާންވީނު ހާޒިމްގޮވައިގެން ލައިބްރަރީއަށް” މަންސޫރު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އެއާއިއެކު ހާޒިމްވެސް ތެދުވެއްޖެއެވެ.
ލޫލުއާ އާއިއެކު ސިޑިން އަރައިގެން ދިޔަ ހާޒިމްގެ ނަޒަރުވަނީ ލޫލުއާގެ އަދާތަކަށް ހުއްޓިފައެވެ. ފުރަތަމަ ނަޒަރުންވެސް އޭނައަށް ލޫލުއާ ކަމުދިޔައީ ނުހަނު ބޮޑަށެވެ. އެހެންނަމަވެސް އެއީ މަންސޫރު އާއިލާގެ ދަރިއެއްކަން ހަނދާންނައްތާލައިގެންވެސް ނުވާނެއެވެ.
“ލޫލުއާ…ރީތި ތަފާތު ނަމެއް، ވަރަށް އަޑުނާހާ ނަމެއް…މާނައަކީ ކޮބާ” ސިރުން ބަލަމުންދިޔަ ލޫލުއާއަށް ހާޒިމް ބުނެލިއެވެ.
ހާޒިމްގެ ޖުމްލަތަށްއިވި ރަކިގޮތަކަށް ލޫލުއާ ހީލިއެވެ. ހާޒިމްގެ ވާހަކަތަކުގައި ތަފާތުގޮތެއް އެކުލެވިފައިވާކަން ލޫލުއާއަށް އިޙްސާސް ކުރެވިގެންދިޔައެވެ. މީގެ ކުރިން ހިތުގައި ނުޖަހާ އާވިންދެއް ޖަހާލައިފިކަން ލޫލުއާއަށް އިޙްސާސް ކުރެވުނެވެ.
“ހިތްހަމަ ނުޖެހުނީތަ އަނގައިން ނުބުނީ؟” ހާޒިމް އަނެއްކާވެސް ލޫލުއާއަށް ބަލާލަމުން އަހާލިއެވެ.
“ނޫން…މީ ލައިބްރަރީ، ޒައުލް ކޮއްކޮ މިހާރު އިންނާނީ ހާޒިމްގެ އިންތިޒާރުގައި” ލޫލުއާ ހިނިތުންވެލަމުން ބުނެލިއެވެ.
“ޒައުލް އިނީ އަހަރެންގެ އިންތިޒާރުގައި ކަމަށްވިޔަސް އަހަރެން ބުނަންބޭނުންވި އެއްޗެއް ނުބުނެ މިވަގުތު ހިނގައްޖެނަމަ، ފަހުން އެނޫން ކަމަކާމެދު އަހަންނަށް ނުވިސްނޭނެކަން ޔަގީން….އަދި ވަގުތު ފާއިތުވާކަށްވެސް ނޭދެން…” ހާޒިމް ލައިބްރަރީގެ ދެފަރާތަށް ހުޅުވިފައިވާ ދޮރުގެ އެއްފަރާތުގައި މަޑުކޮއްލަމުން ބުނެލިއެވެ.
“އެހާ މުހިއްމު ވާހަކައަކީ ކޮބާބާ؟” ލޫލުއާ ހާޒިމްބުނަންއުޅޭ އެއްޗެއް އަޑުއެހުމަށް ކެތްމަދުވެފައިވާކަން ފޮރުވަމުން ބުނެލިއެވެ. އެހިނދު ދޮރުކައިރީގައި ޒީނަތްތެރި ކުރުމަށްޓަކައި ހުރި ކުޑަމޭޒުގެ މަތީ ބަހައްޓާފައިވާ ކަޅުވަކަރު ޒާތަކަށްދާ ވާސްތަކަށް ހާޒިމް ނަޒަރު ހިންގާލިއެވެ. ތާޒާ ޑެއިޒީ އާއި ލިލީ އާއި އޯކިޑްމަލުގެ ގުސްދަސްތާއެއް ފަދައިން އެވާސްތަކުގައި މާތަށް ޖަހާފައި ހުއްޓެވެ.
“ލޫލުއާއަކީ ވަރަށް ރީތިނަމެއް، އަހަންނަށް އެނަން ވަރަށް ކަމުގޮސްފި، ފުރަތަމަ އެނަންއިވުމުންވެސް ހިތުގައި ޚާއްސަ ދަރަޖައެއް އެނަމަށްދެވިގެން ހިނގައްޖެ…މިކުރެވުނީ ކުށެއްކަމުގައިވާނަމަ، އަހަރެންގެ މިނާދާން ހިތަށް އޯގާތެރިވެލެއްވުން އެދެން….އަދި މިހަދިޔާ ގަބޫލުކުރެއްވުން އެދެން…” ހާޒިމް މިހެން ބުނެލަމުން އެއްފަރާތުގައި ހުރި ވާސްއިން ހުދުކުލައާއި ގަދަފިޔާތޮށި ކުލައިގެ ކަރުގަނޑެއް އެކުލެވިފައިވާ ލިލީ މަލެއް ނެގުމަށްފަހު ލޫލުއާއަށް ދިއްކޮއްލިއެވެ. ހާޒިމްގެ ލޮލާލޯ ދިމާވިވަގުތު ލޫލުއާގެ ހިތުގެ ހިނގުން އަވަސްވެ އިސްޖަހާލެވުނެވެ. އަދި މަޑުމަޑުން ހާޒިމް ދިއްކޮއްލައިގެން ހުރި މަލުގައި ހިފާލިއެވެ.
“ތެންކިއު…” ލޫލުއާ ރަތްވެފައިވާ ކޯތާފަތާއިއެކު ލަދުވެތި ހުނުމަކުން ހީގަތެވެ. އަދި ހާޒިމް އާއި ދުރަށް ދުއްވައިގަތެވެ. ހިނިއައިސްފައި ހުރި ހާޒިމް އޭނަގެ ހިތަށް ލިބުނު ކުރިއެރުމާއިއެކު ލައިބްރަރީގެ ތެރެއަށް ހިނގައިގަތެވެ.
ސްކޫލް ދޮށަށް ކިޔާން ބަލާގޮސް ހުރި ޝާއިންގެ ލޮލުގައި އޭނަގެ ސައިކަލާއި ދެތިން ފިޔަވަޅު ދުރުގައި ހުރި ތުނިހަށިގަނޑެއް ލިބިފައިވާ އިސްކޮޅުން ދިގު އަންހެން ކުއްޖާ އަޅައިގަތެވެ. އޭނަ ފެނުމާއިއެކު ކުރީގެ ހަނދާންތަކެއް އާވެގެންދިޔައެވެ. އެއީވެސް ކިޔާން ބަލާ އައިސް ހުރި ދުވަހެކެވެ. އެދުވަހު ކިޔާން ގޮވައިގެން ސްކޫލުން ނުކުންނަނިކޮށް އޭނަގެ ކުރިމައްޗަށް އެރި އަންހެން ކުއްޖާއެވެ. އެދުވަހުވެސް އޭނައަށް ހިތާ ހިތާ އެއަންހެން ކުއްޖާގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ. ސްކޫލްގެ ގޭޓު ހުޅުވާލުމާއިއެކު ސްކޫލްގެ ތެރެއަށް ވަނުމަށް ޝާއިން ހިނގައިގަތީ އެޒުވާން ޖިންސުއްލަތީފުގެ ފަހަތުންނެވެ. ކިޔާންގެ ކުލާހާއި ހަމައަށް ޝާއިން ދިޔައިރުވެސް އޭނަގެ ސަމާލުކަންވަނީ އެނުދަންނަ އަންހެން ކުއްޖާއަށް ހުއްޓިފައެވެ. ޝާއިން އަވަސްވެގަތީ ކިޔާން ގޮވައިގެން އެއަންހެން ކުއްޖާ ދާދިމާލެއް ބެލުމެވެ. އެހެންވެ ކުލާސްރޫމު ތެރެއިން ދުވެފައި އައި ކިޔާން އުރާލައިގެން ހިނގައިގަތީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ސްކޫލްގެ ގޭޓުން ނުކުންނަމުން ޝާއިން އެއަންހެން ކުއްޖާގެ ކޮނޑުގައި ޖެހިލިއެވެ. އެހިނދު އެއަންހެން ކުއްޖާ ޝާއިންއަށް ބަލާލިއެވެ.
“ސޮރީ…އޯ…އަނެއްކާވެސް ދިމާވީ ދޯ…” ޝާއިން އެއަންހެން ކުއްޖާއަށް ބަލާލަމުން ބުނެލިއެވެ.
“އިޓްސް އޯކޭ” އެއަންހެން ކުއްޖާ ހިތްހެޔޮ ގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ.
“ދަރިފުޅުތަ؟” ޝާއިންއަށް ގަބޫލު ނުކުރެވުނުފަދަ ގޮތަކަށް އަހާލިއެވެ.
“ހޫމް…” ހޫން ލައްވާލަމުން އެއަންހެން ކުއްޖާ ޝާއިން އާއި ދުރަށް ދިއުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވުނެވެ.
“އަހަންނަށް ކިޔަނީ ޝާއިން، ދެން ދިމާވާ ފަހަރަކުން ގޮވާލެވޭނީވެސް ނަން އެނގުނީމަތާ ދޯ” ޝާއިން ރަޙުމަތްތެރިވާން މަސައްކަތްކުރިއެވެ.
“އަހަރުމެން ދެމީހުން އަދި ދިމާވާން ތަގްދީރުގައި ލިޔެވިފައިވާނަމަ އެފަހަރަކުން އަހަރެންގެ ނަން ހާމަކޮއްދޭނަން…އެވަގުތު ޖެހެންދެން އަދި ކެތްކޮއްލާ…ދެން ދަނީ” މޮޅު ބަސްކޮޅެއް އިއްވާލަމުން ލާނެތް ގޮތަކަށް ހިނުތުން ވެލާފައި ޖެހިގެން އޮތް މަގަށް އެއަންހެން ކުއްޖާ ނުކުތެވެ. އަދި ޝާއިން ބަލަހައްޓައިގެން ހުއްޓާ އެތާ ޕާކުކޮއްފައި އޮތް ކަޅުކުލައިގެ ކާރަކަށް އެއަންހެން ކުއްޖާ އާއި އޭނަގެ އަތުގައި ހިފައިގެން ހުރި ކުޑަ އަންހެން ކުއްޖާ އަރައިފިއެވެ. އެދެވޭ ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް ޝާއިންވެސް ހިނިއައިސްފައި އައިކޮޅަށް އެނބުރި ހިނގައިގަތީ އޭނަގެ ސައިކަލު ހުރީ ސްކޫލުގެ ގޭޓު ކުރިމަތީގައި ކަހަލަ ގޮތަކަށް ޕާކުކޮއްފައި ކަމަށްވާތީއެވެ.
“މިއަދު ހާދަ ލަސްވީ؟” ގެއަށް ވަތް ޝާއިން ފެނުމާއިއެކު ޔޫހާ އަހާލިއެވެ.
“ލަސްތަ…މިއައީނު” ޝާއިން ސްކޫލްދޮށުގައި ހިނގިކަންތައްތައް ސިއްރުކޮއްލަމުން ބުނެލިއެވެ. ނަމަވެސް އޭނައަށް ފެނުނު އަންހެން ކުއްޖާއާއިމެދު ވިސްނެންފެށިއްޖެއެވެ. ފުރަތަމަ ފެނުނު ދުވަހަކުވެސް އެއަންހެން ކުއްޖާއަށް ޚާއްޞަކަމެއް ދެވުނުކަން އެނގެއެވެ. އެހެންނަމަވެސް އެދުވަހަށްފަހު އެއަންހެން ކުއްޖާ ގައިބުވިފަދައެވެ. ދެވަނަ ފަހަރަށް އޭނަގެ ލޯ ކުރިމައްޗަށް އެއަންހެން ކުއްޖާ ފާޅުވީ މިއަދުއެވެ. އެއަންހެން ކުއްޖާގެ ގާތަށް ކުރިއަށް ފިޔަވަޅެއް އަޅަން ޖެހުނީ ދެވަނަ ފަހަރަށް ފެނި ލޯކުރިމަތިން ގެއްލިދާނެކަން އެނގޭތީއެވެ. އޭގެ ކުރިން އެރީތި އަންހެން ކުއްޖާއަށް ކިޔާ ނަން އޮޅުންފިލުވާލަން ޝާއިން ބޭނުންވީއެވެ. އެހެންނަމަވެސް މިޖެހުނީ ދެން ދިމާވާނެ އިރަކަށް އިންތިޒާރު ކުރާށެވެ. އަނެއްކޮޅުން އޭނަ އާއި ދެން ދުވަހަކު ދިމާނުވުމަކީވެސް އެކަށީގެންވާކަމެކެވެ.
“ދެން އަހަންނަށް ނުފެންނާނެކަން ޔަގީންވާތީ ކަންނޭގެ އެހެން އެބުނީ، ތަގްދީރު މިކަމުގައި އަހަންނަށް އެހީތެރިވާނީ ކިހިނެއްކަމެއްވެސް ނޭގެ….ތަގްދީރުގެ ނިޔާ އަންނަނާނެ ގޮތެއް އެކަކަށްވެސް ނޭގޭނެ…” ޝާއިން އޭނަގެ ކޮޓަރީގެ އެނދުގައި އިށީނދެލައިގެން އިނދެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
“އަދިވެސް ތިހުންނަނީ ދެރަވެފަ ހުންނަހެން، މިހާރު މިތިބީ ދަރިފުޅުގެ ކައިރިއަށްވެސް އާދެވިފައެއްނު” އާފާގުއަށް ޒަރާނާގެ މޫނު ފެނުމުން ބުނެލެވުނެވެ.
“ހުރި ހަމައެކަނި ދަރިފުޅު، އަހަރުމެންނާއި ދުރުގަ އުޅޭތީީ އަހަރެން ހާދަ ކަންބޮޑުވެއޭ، ގައިމު މާލޭގަވެސް މިހާރު މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތުތައް ވަރަށްވެސް ގިނަ…އަހަރެންނަށް މިއިޙްސާސް ކުރެވޭ ހުސްކަން ނެތިދާނީ އައްޔަދު އަހަރުމެންނާއިއެކު އުޅެން ފަށާދުވަހަކުން” އެޕާރޓްމެންޓުގެ ކުޑަދޮރެއްގެ ކައިރީ ހުއްޓިލައިގެން ހުރި ޒަރާނާ ބުނެލިއެވެ.
“އައްޔަދުގެ ކިޔެވުން ނިމޭކަށް މާގިނަ ދުވަހެއް ނެތޭ…ދެން އެކުން ކަންބޮޑުނުވެބަލަ، އެސޮރުވެސް މޮޅަށް ކިޔަވައިގެން އައީމަ ފައިދާވާނީ އަހަރުމެންނަކަށްނު، އަހަރު ފަހުކޮޅުގައި އަންނާނެ ވާހަކަވެސް އައްޔަދު ބުނެފިއެއްނު، މިހާ ކުޑަދުވަސްކޮޅަކަށް އައްޔަދު ދެކިލަން އައިސް އުޅޭއިރު ޒަރާ ތިހެން ހުރީމަ ދެންވާނީ ކިހިނެއް؟ އެތަށް ދުވަހެއް ފަހުން ދަރިފުޅު ފެނިލުމުން ނިކަން ހެވިލާފަ ހުރެބަލަ” އާފާގު ޒަރާނާ އާއި ގާތްވެލަމުން ބުނެލިއެވެ.
ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު އަފްލީން އިނީ ޔޫހާގެ ގާތުން މިރޭވެސް އެއްޗެއް އޮޅުން ފިލާނެކަމުގެ އުއްމީދުގައެވެ. ހޮސްޕިޓަލުން ކިޔާން ދޫކޮއްލިފަހުން އަޕްލީން އާއި ޔޫހާ އެކަނިވެއްޖެއްނަމަ އަބަދުހެން އޭނަގެ ދުލުކުރީގައި މިހާރުވާ ނަމަކީ ޒައުލްއެވެ. ޒައުލް އާއި ޔޫހާ އާއިދެމެދު ވަނީ ކޮންކަހަލަ ގުޅުމެއްތޯ އޮޅުންފިލުވަން އޭނަވަނީ ބޭނުންވެފައެވެ. ނަމަވެސް އަދި މިހާތަނަށްވެސް އޭނައަކަށް ޔޫހާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ.
“ދޮންބެއަށްވުރެ ޔޫހާ އާއި ޒައުލް ފްރެންޑް ދޯ” އަފްލީން ގަސްދުގައި ޝާއިންގެ ސަމާލުކަން ހޯދުމަށް ބުނެލިއެވެ. ޔޫހާގެ ނިތްކުރިއަށް ރޫއަރައިގެން ދިއުމާއިއެކު އަފްލީންއަށް ބަލާލެވުނެވެ.
“އަފޫ، ކާމޭޒުމަތީ މިރޭ ކޮންވާހަކައެއް ފަށަން ގަސްދުކޮއްގެން ތިއުޅެނީ” ޔޫހާ ކަންބޮޑުވާގޮތްވިއެވެ.
“ތެދެއް ޔޫހާ، ޒައުލްގެ ވާހަކަ ދައްކަން ތިފެށީ ކީއްވެތަ؟ އެއީ ދޮންބެ އާއި ޔޫހާގެ ބޮސްއޭ، އަނެއްކާ ޔޫހާ މިހާރު އެއުޅެނީ ޒައުލްގެ އެންމެ ޙާއްޞަ ހޮޓެލްގަ، އެހެންވީމަ ޒައުލް އާއި ގިނައިން ދިމާވާނީވެސް ޔޫހާ އާއިއެއްނު” ޝާއިން އަފްލީންއަށް ވިސްނާދޭފަދަ ގޮތަކަށް ބުނެލިއެވެ. އެހެނީ އޭނައަށް ޒައުލްގެ ގޮތް އެނގޭތީއެވެ. ޒައުލް ޔޫހާފަދަ ނިކަމެތި ދަރިއަކު ހުރި އަންހެނަކާ ނުގުޅޭނެކަމުގެ ޔަގީންކަންވެސް އޮތްލެއް ބޮޑުކަމުންނެވެ.
ހުސްއަތާ ކަހަލަ ގޮތަކަށް ފުރައިގެން ދިޔަ އީލާކް މާލެ އައީ ވަރަށްވެސް ބަރުކޮށެވެ. ރާއްޖޭން ބޭރުގައި ދެހަފްތާއަށްވުރެ ގިނަދުވަސް ހޭދަކޮއްފައި އައިއިރު އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން އޭނަ އެހުރީ ވަރަށް ހިތްހަމަ ޖެހިފައިކަން އެނގެއެވެ. އޭނަގެ އިންތިޒާރުގައި އެއާރޕޯޓްގައި މަޑުކޮއްލައިގެން ހުރި ޒައުލް އާއި އޭނަގެ ރަޙުމަތްތެރިން ފެނުމުން އީލާކްއަށް އާދެވުނީ ކުޑަކޮށް ދުވެލާފައެވެ.
“މާމައަށް އެނގޭތަ އަޅުގަނޑު އަންނަކަން، ދޮންބެ ބުނިންތަ މާމަ ގާތު” އީލާކް އަވަސް އަަވަހަށް ޒައުލްގެ ގާތުން އަހާލިއެވެ.
“އީއްކޮ ބުނީމެއްނު އެކަކު ކައިރީވެސް ނުބުނުމަށް، ދެން ރަޙުމަތްތެރިން ގެނެސްދޭށޭ ބުނީމަ މިތިބީ އެމީހުންވެސް ގެނެސްދީފަ” ޒައުލް އީލާކްގެ ފޮށީގައި ހިފާލަމުން ބުނެލިއެވެ.
“ވީ މިސްޑް ޔޫ ސޯމަޗް އީކް” ރޮޒޭން އީލާކްގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. އަދި ތިންކުދިންނާއިއެކު އީލާކް އާއި ޒައުލް ހިނގައިގަތީ ލޯންޗާއި ދިމާލަށެވެ.
ހައިރާންކަންވެރިފައިހުރި ލާއިގާގެ ގައިގާ އިލާކް ދިޔަގޮތަކަށް ގޮސް ބައްދާލިއެވެ. އަވަސް އަވަހަށް ދަތުރުގެ ވާހަކަ ތަކާއިއެކު ވަރަށް ބަނޑުހައި ވެފައި ހުރިކަމުގައި ބުންޏެވެ. މަންސޫރުގެ މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައިރު ލާއިގާގެ ތުންފަތަށް ވެރިވި ހިނިތުންވުންވެސް ފިލައިގެން ނުދެއެވެ. އީލާކްގެ އެފަދަ ޢަމަލުތަށް ހުއްޓުވުމުގެ ބާރެއް ލާއިގާއަށްވެސް ލިބިގެނެއް ނުވެއެވެ.
ލޮބީއިން ނުކުމުގެން ގެއަށް ދިއުމަށްޓަކައި މިސްރާބުޖެހި ޔޫހާ ހުރީ ދަންވަރު ޑިއުޓީ ނިންމާލުމަށްފަހު ވަރަށް ވަރުބަލިވެ ނިދިއަންނަ ގޮތްވެފައެވެ. ޕާރކްވިއު ހޮޓެލްގެ ގޭޓުން ބޭރަށް ނުކުމެވުނު ވަގުތު ޒައުލްގެ ޚާއްޞަ ޑްރައިވަރު ޖަމާލް ގޮވާލި އަޑުއިވުނެވެ. މަޑުކޮއްލެވުނީ އެހެންވެއެވެ. އެހިނދު ޖަމާލު އައިސް ފަތްޖަހާލެވިފައިވާ ކަރުދާސްކޮޅެއް ޔޫހާއަށް ދިއްކޮއްލިއެވެ. އޭގައި ލިޔެފައިވި އެއްޗެއް ކިޔާލުމަށްފަހު އަނެއްކާވެސް ކަރުދާސްކޮޅު ފަތްޖަހާލިއެވެ. އެވަގުތު ޖަމާލު ޔޫހާއަށް އިޝާރާތްކުރަމުން އޭނަ އާއިއެކު އައުމަށް ބުނެލިއެވެ. ވިސްނާލުމަށްފަހު ޔޫހާ ޖަމާލް އާއިއެކު ހިނގައިގަތެވެ. ދުރުނޫން ހިސާބެއްގައި ޕާކުކޮއްލެވިފައިވާ ޒައުލްގެ ކާރުގެ ދޮރު ޖަމާލް ހުޅުވާލުމާއިއެކު ޔޫހާ އެކާރަށް އެރިއެވެ. ކާރުދުއްވާލުމާއިއެކު ޔޫހާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ކާރު ދުއްވަމުން އެދަނީ ކޮންމަންޒިލަކާއި ހަމައަށްކަމެއް އޭނައަށް ނޭގޭތީއެވެ.
“ކުޑަ ސާހަބް މިދިމާ އެތެރޭގަ ހުންނަވާނެ، މެޑެމް އެތެރެއަށް ދުރުވޭ” ދިހަވަރަކަށް މިނެޓްތެރޭ ޖަމާލު ކާރުގައި ގޮސް ދާންވާމަންޒިލަށް މަޑުކޮއްލިއެވެ. އަދި ކާރުން ފޭބުމާއިއެކު ޔޫހާއަށް ކާރުގެ ދޮރުފަތް ހުޅުވާލަދެމުން ދާންވީ ދިމާ އިޝާރާތާއިއެކު ބުނެލަދިނެވެ. ޔޫހާ ހިނިތުންވެލަމުން ޖަމާލްއަށް ބޯޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. ޖަމާލް ކާރު ދުއްވާލީއެވެ. މަސައްކަތް ކުރުމަށް އުޅޭ ބިދޭސީ މީހުން ނޫނީ އެއިމާރާތުގެ ތެރެއިން ނުފެނެއެވެ. ގިނަދުވަސްވެފައިވާ ދަގަނޑު ގޭޓު ކުޑަކުޑަކޮށް ހުޅުވާލާފައި ހުރިއިރު އެދޭތެރެއިން ޔޫހާއަށް ވަދެވޭނެހާ ޖާގަހުއްޓެވެ. ހިތްބިރުގަންނަމުންދިޔައީ މިފަދަ ތަނަކުން ޒައުލް ބައްދަލު ކުރަން ބޭނުންވީ ކީއްވެބާއޭ ހިތަށް އަރާވަރުންނެވެ. އިމާރާތާއި ގާތްވަމުން ދިޔަވަރަކަށް ޔޫހާއަށް ނޭފަތުގައި އަތްއަޅާލެވުނީ އެތަނުގައި ސިމެންތީގެ މަސައްކަތްތައް ކުރަމުންގެންދާތީ އޭގެ ކުނޑި އާއި ދުމުން މާހައުލު ހިރަފުސްވެފައިވާތީއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ދޮރުން ޔޫހާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އެތަނުގައި މަޑުކޮއްލައިގެން ބިދޭސީ އަކާއި ވާހަކަދައްކަން ހުރި ޒައުލް ޔޫހާއަށް ފެނުނީ އެވަގުތުއެވެ. ބިދޭސީ މީހާ ޔޫހާއަށް ބަލާލުމާއިއެކު ޒައުލްވެސް ފަސްއެނބުރި ދޮރާދިމާލަށް ބަލާލިއެވެ.
“ޔޫ މޭ ގޯ ނައު…” ޒައުލް އޭނަގެ ކުރިމަތީ ހުރި ބިދޭސީ މީހާއަށް އެހެން ބުނެލަމުން ޔޫހާ އާއި ދިމާލަށް އެއްކޮށް އެނބުރިލިއެވެ. އަދި މަޑުހިނގުމެއްގައި ޔޫހާގެ ގާތަށް ދިޔައިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.
“މީ ދެން އަހަރެން ހުޅުވަން ގަސްދުކޮއްފައިވާ ހޮޓެލް…ޕާރކްވިއު ކަހަލަ ފުރިހަމަ ތަނަކަށް ހަދަންބޭނުންވަނީ، މަސައްކަތް މިކުރަނީ މިތަނުގައި އަސާރީ ގޮތް ދައްކާލުމަށް…” ޒައުލް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިލާފައި ހުރެއެވެ.
“ކީއްކުރަން އަހަރެން ގެނައީ…” ޔޫހާ ބުނެލިއެވެ.
“އެއްފަހަރުވެސް ރުޅި ނައިސް އަހަންނާ ވާހަކަ ދައްކާލަބަލަ، އަބަދު ތިހުންނަނީ ދެބުމަ ގޮއްޖަހައިގެން، ޔޫހާ އަކާ ނުވެސް ގުޅޭ…ނިކަން ކުރިން ހުންނަހެން ހިނިއައިސްފައި ހުރެބަލަ” ޒައުލް ޔޫހާގެ ކުރިމަތީ ހުއްޓިލަމުން އޭނަގެ ދެއަތް ފަޓުލޫނު ޖީބަށް ޖަހާލާފައި ބުނެލިއެވެ.
“މިހާރަކު ނުޖެހޭނެ އެހެން ހުންނާކަށް، ޒައުލްތީ އެވަރުގެ މީހެއްނޫން…މީކީ ކުރީގެ ޔޫހާއެއްނޫން، އެހެންނޫނަސް ޒައުލް ކަންތައްތިކުރަނީ މީހަކު ހިތްހެޔޮ ކަމާއިއެކު އަނގައިން ބުނާގޮތަށްވިއްޔަ، ބޭކާރު ވާހަކަ އަޑުއަހާނެ ވަގުތެއް އަހަރެންގެ ނެތް، ކީއްކުރަންތަ އަހަރެން ގެނައީ” ޔޫހާ ޒައުލްއަށް ބަލާލަމުން އަދި ކުރިއަށްވުރެ ބޮޑަށް ލޯއަޅާލިއެވެ.
“އަހަރެން ޔޫހާ ގެނައީ ގަދަކަމުންނެއްނޫން، އެކަމަކު އައީތީ ޝުކުރުވެރިވަން” ޒައުލް ކުރިއަށްވުރެ ޔޫހާ އާއި ގާތްވެލަމުން ބުނެލިއެވެ. އެކަމުގެ ސަބަބުން ޔޫހާއަށް އުނދަގޫވެއްޖެކަން އެނގުމުންވެސް އޭނަގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. އޭނަގެ ބޭނުމަކީ ޔޫހާ ރުޅިއަރުވާލުންހެން ހީވާކަހަލައެވެ.
“އެކިގޮތްގޮތުން ޒައުލް އަހަންނަށް މަޖުބޫރު ކުރުވަނީ ކީއްވެތަ؟ އަހަރެންގެ ވަޒީފާ އާއި ގުޅުވައިގެން ޒައުލް ދޭ އިންޒާރުތަށް ހެއްކަކަށް ނުފުދޭތަ؟ އެއީ މަޖުބޫރުކުރުވުން ނޫން ދެން އެހެންކޮންކަމެއް؟” ޔޫހާ ފަހަތަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ.
“ޖަމާލް ދިން ކަރުދާސްކޮޅުގައި އަހަރެން އެކަހަލަ އެއްވެސް އެއްޗެއް ބުނެފައެއްނުވާނެ، އޭގައި އޮންނާނީ އަހަރެން ޔޫހާ އާއި ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ، އެހެންވީމަ ޖަމާލް އާއިއެކު އައިސްދިނުމަށް….އަހަރެން ޔޫހާ އާއި ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އަދި ދައްކައެއް ނުނިމޭ، ބުނަން….ޔޫހާގެ ވަޒީފާ އާއިމެދު ހާސްވާކަށް ނުޖެހޭނެ، އަހަރެން ޔޫހާ ވަޒީފާއިން ވަތްކެއް ނުކުރާނަން…ދެން ކަންބޮޑުވަނީ ޝާއިންގެ ވަޒީފާއަށް ބުރުލެއް އަރާފާނެތީތަ، އެކަމާވެސް ކަންބޮޑުނުވޭ، އޭނަގެ ވަޒީފާވެސް ނުގެއްލޭނެކަމުގެ ޔަގީންކަން ދެން” ޒައުލް ބޯއަރިކޮއްލަމުން ޔޫހާއަށް ބަލަންހުރެ ބުނެލިއެވެ.
“އޭގެ އަގަކީ ކޮބާ؟ ކަލޭމެން މުއްސަނދިންނަށް ފައިދާ ނުވާގޮތަށް އެއްވެސް ކަމެއްނުކުރާނެ، ކޮންމެ ކަމަކީ ވިޔަފާރި އުސޫލުން ނިންމާލަންބޭނުންވާ ކަމެއް…” ޔޫހާ މިހެންބުނެ ޒައުލްއާއި ދުރަށް މޫނުއަނބުރާލިއެވެ.
“މިތާ ހުރެދެފަޔަށް ލޭފޭބުމަށްވުރެ ރަނގަޅުވާނެ ކަންނޭގެ ހަމަޖެހިލައިގެން ވާހަކަ ދައްކާލުން، ސައިބޮއެފިންތަ؟ އަހަރެން އަދި ނުބޮން، އަހަންނާއިއެކު ހެނދުނު ނާސްތާގައި ބައިވެރިވެލަންވީނު” ޒައުލް ޔޫހާއަށް ދައުވަތު އެރުވިއިރު ޔޫހާ ބުނިއެއްޗެއް އަޑުނީވޭކަހަލައެވެ. އަދި ދެފަރާތުގައި މައްޗަށް އަރަންހުރި ސިޑީގެ ތެރެއިން އެއްސިޑިއާއި ދިމަލާށް އަތްދިއްކޮލަމުން ޔޫހާގެ އުނަގަނޑުގައި ފަހަތުން އަތްޖައްސާލިއެވެ. އެއާއިއެކު ޔޫހާ ހަށިގަނޑަށް ކުޑަލޮޅުމެއް ގެނެސް ޒައުލް އާއި ދުރަށް ޖެހިލިއެވެ. ޒައުލް ދެއަތް މައްޗަށް ނަގާލަމުން ދެން އަތްނުލާނަންކަމަށް އިޝާރާތުން ދައްކާލިއެވެ. ޔޫހާ ޒައުލް އިޝާރާތްކުރި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. މަސައްކަތުގެ ސަބަބުން ހިރަފުސްވެފައިވާ ސިޑިން ޔޫހާ އަރައިގެން ދިޔައީ ވަރަށްވެސް ބަލައިގެންނެވެ. ޒައުލް ދެފަރާތަށް ހުޅުވޭގޮތަށް ހަދާފައި ހުރި ދޮރެއް ހުޅުވާލިއެވެ. ތަންވަރަށްވެސް ފުރިހަމައެވެ. ކުލަކުލައިގެ އޮމާން މާބުލްސް ތަޅުން ސާފުކޮއްފައިވާކަން ފާހަގަކުރެވެއެވެ. ތަނުގެ މެދުގައި ވަށްމޭޒަކާއި ދެގޮނޑު ހުއްޓެވެ.
“އަހަރެން ރޭސުއްރެ ނުނިދާ މިހިރީ، އަހަރެން ގެއަށް ދާން ބޭނުން…” ޔޫހާ ބުނެލިއެވެ.
“ޝާއިން އެއީ ދަރިފުޅުގެ ބައްޕަތަ؟ ނޫންދޯ…އޭނަގެ ދަރިއެއް ނުހުންނަ ކަމަށްވަނީ” ޒައުލް އިށިންނަމުން ޔޫހާއަށްއަވެސް އިށީނުމަށް ގޮނޑިދައްކާލާފައި ބުނެލިއެވެ.
“ޒައުލްއަށް ކީއްތަ” ޔޫހާ ގޮނޑީގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން މެޔާއިދިމާލުން ދެއަތް ހުރަސްކޮއްލިއެވެ.
“އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ؟ ޔޫހާގެ ފިރިމީހާ ކޮބާތަ؟ ކީއްވެތަ ވަރިކުރީ…ކިޔާންގެ ބައްޕައަކީ ކާކުތަ؟ މިހެން މިއަހަނީ ޝާއިންއަކީ ކިޔާންގެ ބައްޕަ ނޫންކަން އަހަންނަށް ޔަގީންވާތީ” ޒައުލް ކާންފެށުމުގެ ކުރިން އެތަށް ސުވާލެއް ކުރިއެވެ.
“އަހަރެންގެ ފިރިމީހާ ކޮބާތޯ ނޫނީ ކިޔާންގެ ބައްޕައަކީ ކާކުތޯ އަހަން ޒައުލްތީ ކާކު؟” ޔޫހާ ޒައުލްއަށް ބަލާލުމެއްނެތި ބުނެލިއެވެ.
“ކިހިނެއްވީ ހަރާންދަރިއެއްވީމަތަ…ދަރީގެ ބައްޕައަކީ ކާކުކަންވެސް ނޭގެނީ…” ޒައުލްގެ ޖުމްލަ ފުރިހަމަ ނުވަނިސް އޭނަގެ ކަންކަށީގައި ހޫނުކަމާއިއެކު އައި ޔޫހާގެ އަތްތިލަ ބީހިގެންދިޔައެވެ. އެވަގުތު އަނގަޔަށް ލަމުންދިޔަ އޫވެސް ވިއްސައިގެންދިޔައެވެ. ވީތަދުން ޒައުލްއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. އޭނަގެ ކުރިމަތީ އިން ޔޫހާއަށް ބަލާލިއިރު އެދެލޮލުގައިވި ރުޅިވެރިކަމާއިއެކު ރަތްވެ ފެންކަޅިވަމުންދިޔަތަން ޒައުލްއަށް ފެނުނެވެ. ޔޫހާ ކުއްލިއަކަށް ތެދުވުމާއިއެކު ޒައުލްވެސް ތެދުވިއެވެ.
“އަހަރެންގެ ކަންފަތްމަތީ ޖެހުމަކުން ޖަވާބު ލިބުނީކަމުގައި އަހަރެން ނުދެކެން” ޒައުލް ބުނެލިއެވެ. ޔޫހާ ޒައުލްގެ ކުރިމަތިން ދިއުމަށްޓަކައި ދުއްވައިގަތްވަގުތު ޒައުލްވެސް ޔޫހާގެ ފަހަތުން ދުއްވައިގަތެވެ. ދޮރާހަމައަށް ނުދެވެނިސް ޔޫހާގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަމުން ލުއްކެއްޖެހިއެވެ. ޔޫހާ ސިހިނުވަރުންނާއިއެކު ހިތުގެ ތެޅުން އަވަސްވިއެވެ. އަދި ޔޫހާގެ ލޮލުންވެއްޓުނު ކަރުނަ ތިކި ޒައުލްގެ ޝަހާދަތްއިނގިލިން ފޮހެލިއެވެ.
“ތިހާބޮޑު ބަދަލެއް ޔޫހާއަށް އަންނަންވީ ސަބަބެއް އޮޅުން ފިލުވަން އަހަރެން ބޭނުންވަނީ” ޒައުލް މިހެން ބުނެލިއިރުވެސް ހުރީ ޔޫހާގެ އަތުގައި ހިފަހައްޓައިގެންނެވެ.
“ކިޔާންއަކީ ބައްޕަނެއް ކުއްޖެއްނޫން…އެއްވެސް އަންހެނަކު ފިރިހެނަކާއި ނުލާ ބަލިވެއެއްނީންނާނެ” ޔޫހާ އިސްޖަހާލަމުން ބުނެލިއެވެ.
“ތިވަރު އަހަންނަށް ނޭގެން އަހަންނަކީ ކުޑަކުއްޖެ ނޫނޭ…އަހަރެން މިއަހަނީ ޔޫހާ ކައިވެނި ކުރީ ކޮންއިރަކުހޭ، އެއީ ޖަވާބު ނުދެވޭވަރުގެ ސުވާލެއްކަމަކަށް އަހަންނެއް ނުދެކެން” ޒައުލްގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
“އަހަރެން….އަހަރެން ކައިވެންޏެއް ނުކުރަން” ޔޫހާއަށް ކުޑަކޮށް ރޮވެމުން ބުނެލެވުނެވެ.
“ޝާއިންތަ…” ކުއްލިއަކަށް ޒައުލްއަށް އަހާލެވުނެވެ. އެއާއިއެކު އިސްޖަހާލައިގެން ހުރި ޔޫހާ ދެފަރާތަށް ބޯހޫރުވާލިއެވެ.
“ދެން ކާކު؟ ޔޫހާއަށް އެފަދަގޮތަކަށް އަނިޔާވެރިވާން ކެރުނު މީހަކީ ކާކު؟” ޒައުލް ޖަވާބު ބޭނުންވެފައިވާކަން އޭނަގެ އަޑުންވެސް އެނގެއެވެ.
“އެއީ މީގެ ހައަހަރު ކުރިން، އަނިޔާވެރިވި މީހާ އަނިޔާވެރިވީ އޭނަގެ އަމިއްލަ ނަފްސަށް…އަހަރެން ދެކުނީ އެގޮތަކަށް ނޫން، އަހަރެން ދެކުނީ އެއީ ލޯބިކަމުގަ، އެންމެ ރެއެއްގެ ލޯބިން، ނުފިލާވަރުގެ ނިޝާނެއް ފާޅުވެދާނެކަމަކަށް ހީއެއް ނުކުރަން…” ޔޫހާ ލޯފޮހެލަމުން ބުނެލިއެވެ.
“ކީކޭ…ނުވާނެ ތިހެނެއް، ޔޫހާ ބުނަންތިއުޅެނީ ކިޔާން އެއީ އަހަރެންގެ ދަރިއެކޭތަ….ނޫން ނޫން، އަހަރެން ގަބޫލެއް ނުކުރާނަން، އަހަރެންގެ ދަރިއެއް ނުހުންނާނެ” ޒައުލް ޔޫހާގެ އަތުން ދޫކޮއްލަމުން ދުރަށްޖެހުނެވެ.
“ހަގީގަތް އެނގުމުން ގަބޫލުކުރަން ދަތިވީދޯ” ޔޫހާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“ތީ އޮޅުވާލުމެއް، އެރެއަށްފަހު އެފަދަ ގޮތަކަށް ޔޫހާ ނޫޅޭކަމެއް އަހަންނަށް ކިހިނެއް އެނގެނީ، އަހަރެންގެ ފަރާތުން ބަދަލު ހިފާލަން ބޭނުންވަނީ ދޯ، އެހެންވެ ރޭވި ރޭވުމެއްދޯ ތީ…އަހަރެން ބަދުނާމު ކޮއްލުންތަ ބޭނުމަކީ…ހެ ހެ ހެ އެހެން ހީނުކުރައްޗޭ، ޔޫހާގެ ތިމަޅީގައި އަހަރެން ނުޖެހޭނަން” ޒައުލްއަށް ޔޫހާގެ ވާހަކަތައް ގަބޫލުކުރަން ދަތިވިއެވެ. ލިބުނު ކުއްލިހައިރާންކަމާއިއެކު ރަނގަޅަކަށް ނުވިސްނުނެވެ.
“އަހަރެންގެ ދަރިފުޅު ނުބެލިގެން މީހެއްގެ ބޮލުގަ އަޅުވާކަށް އަހަރެން ނޫޅެން، އަހަންނާއި ޝާއިން އާއި ދެމެދު އެއްވެސް ގުޅުމެއްނެއް، ޝާއިންއޭ ކިޔައިގެން ދެއްކި ވާހަކައަކީ ޒައުލްގެ ކިބައިން ސަލާމަތްވުމަށް ދެއްކި ބަހަނާތަކެއް، އަހަރެންގެ ދިރިއުޅުމުގައި ކިޔާން ނޫން އެހެން ފަރާތެއްނެއް…ޒައުލް ކައިރިން އާދޭސް މިކުރަނީ އަހަރެންގެ އަމިއްލަ ހާލައިގެން އަހަރެން ދޫކޮއްލާ، އަހަރެން ޒައުލް ބަދުނާމު ކުރާކަށް ނޫޅެން، ކިޔާންއަކީ ހަމައެކަނި އަހަރެންގެ ދަރިއެއް” ޔޫހާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“މިތަނުން ބޭރަށް ތިދެއްކި އެއްވެސް ވާހަކައެއް ނުކުންނާކަށް އަހަރެން ބޭނުމެއްނޫން، ޔޫހާ ހަނދާންކުރާތި، އަހަރެންގެ ކަންފަތާއި ހަމައަށް ކިޔާންއަކީ އަހަރެންގެ ދަރިއެކޭ ކިޔާގެން އަޑުއިވިއްޖެނަމަ ޔޫހާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާކަށް އަހަރެން ފަހެއް ނުޖެހޭނެކަން ދަންނާތި…މިއަދު އަހަންނަށް ޔޫހާގެ ފެންވަރު އެނގިއްޖެ، ހީކުރީ ރޮއެ ރޮއެފަ އަހަރެންގެ ބޮލުގަ ތިފަދަ ބޮޑުކަމެއް އެޅުވިދާނެކަމައްތަ، އަހަރެންގެ އާއިލާގެ ނަން އަހަރެންގެ ސަބަބުން ހަޑިވިޔަކަ ނުދޭނަން، އަހަންނަށްވެސް އެނގޭ ބަދުނާމު ކުރަން…އަހަރެންގެ ކުރިމަތިން ދޭ، މިތަނުން ނުކުމޭ…ހިލޭ ފިރިހެނުންނާއިއެކު ބޭނުންހާ ގޮތަކަށް އުޅެފަ އެކަމުގެ ބަދުނާމު އަހަރެންގެ ބޮލުގަ އަޅުވަން، ތިމުޑުދާރު މޫނު އަހަރެންދެކޭކަށް ބޭނުމެއްނޫން” ޒައުލްއަށް ރުޅިއާދެވުނީ ކީއްވެކަމެއް ނޭގެއެވެ. ޔޫހާއަށް ކުރިއަށްވުރެ ބާރަށް ރޮވުނެއެވެ. އޭނަގެ މުޅި ހަޔާތުގަވެސް އެހަށިގަނޑުގައި ހަމައެކަނި ބީހުނު ފުރަތަމަ ފިރިހެނަކީ ޒައުލްއެވެ. އެކަން އޭނައަށް އެނގޭއިރުވެސް ދޮގުކުރަނީއެވެ. ފާޅު ނުކުރިޔަސް އޭނަގެ ހިތުގައި އަދިވެސް ޒައުލްއަށްޓަކައި ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ހިތަށް ތަދުވީއެހެންވެއެވެ. ގިސްލާފައި ރޯންފެށުނީ އެހެންވެއެވެ. ޒައުލްގެ ކުރިމަތީގައިވެސް އޭނަ ބަދުނާމުވުން ނޫންކަމެއް ނުވިއެވެ. ދުވެފައި އެތަނުން ނުކުމެގެން ޔޫހާ ދިޔައިރު ޒައުލް ފުރަގަސް ދީގެން ހުރިގޮތަށް ހުރީއެވެ. އޭނައަށް ނިތުގައި އަތްހާކާލެވުނެވެ. ޔޫހާގެ ފަރާތުން އެފަދަ ޖަވާބެއް ލިބިދާނެކަމަށް އޭނައަށް ހީނުކުރެވުނީއެވެ.
“ޔޫހާ…” ސިޓިން ރޫމުގައި ކިޔާންއަށް ދޮންކެޔޮ ވަކެއް ކާންދޭން އިން އަފްލީންއަށް ދޮރުންވަދެގެން އަވަސް ފިޔަވަޅުގައި ކޮޓަރިއާއި ދިމާލަށް ދިޔަ ޔޫހާ ފެނުމުން ގޮވާލެވުނެވެ. ޔޫހާ ފެނި އޭނަ ރޮނީކަން ވަގުތުން އަފްލީންއަށް ނަގައިގަނެވުނެވެ. އަފްލީން ގޮސް ޔޫހާގެ ކޮޓަރިއަށް ވަންނަން އުޅުނުއިރު ދޮރުހުރީ ތަޅުލާފައެވެ. ދޮރުގައި ދެތިންފަހަރަށް ޖަހާލަމުން އަފްލީން ގޮވާލިއެވެ. އަފްލީން ދޮރުގައި ޖަހާތަންފެނި ކިޔާންވެސް އައިސް ދޮރުގައި ތަޅަންފެށިއެވެ. އަދި ޔޫހާއަށް ގޮވަންފެށިއެވެ. އޭނަގެ ޅަސިކުނޑިއަށްވީ މަޖާކަމަކަށެވެ. ޔޫހާ ދޮރުނުހުޅުވުމުން އަފްލީން އަވަސްވެގަތީ ޝާއިންއަށް ގުޅުމަށެވެ.
“އެހެންތަ، ކިހިނެއްވީބާ، ދެންމެތަ އެއައީ ގެއަށް…ހާދަ ފަހުން” ފޯނުން ޝާއިން ބުނިއަޑުއިވުނެވެ.
“ދޮންބޭ، ޔޫހާ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެގެން އެއައީ، އެހެންނޫނީ އޭނަ ނުރޯނެ…ޔޫހާ ދުވަހަކުވެސް ރޯތަނެއް މިނޫނީ ނުފެނޭ…ދޮންބެ އަންނައްޗޭ ތަންކޮޅެއް އަވަހާ، އިރުކޮޅަކުން އަހަރެން ސްކޫލަށް ދާންވެސް އެބައޮތް” އަފްލީން ކަންބޮޑުވެފައިހުރިވަރު ޝާއިންއަށް އެނގުނެވެ.
އެނދުމައްޗަށް ބަންޑުން ވެއްޓިގެން އޮތް ޔޫހާ ރޮމުންދިޔައެވެ. އަމިއްލަ ނަފްސާ އެތަށް ވާހަކައެއް ދެއްކިއެވެ. އޭނައަކީ މުޑުދާރު އަންހެނެއް ނޫންކަން ބުނަމުންނެވެ. ޒައުލްގެ ބޮލުގައި ދޮގު އިލްޒާމެއް ނާޅުވާކެމެވެ. އެހުރިހާ ކަމަކަށް ހެއްދެވި ފަރާތް ހެކިވާނެކަމުގައި ބުނަމުންނެވެ. އެހިތަށް ޝިފާއެއް ލިބޭނީ ކިތަށް ފަހަރު އެހިތް ކުދިކުދިވެގެންބާއޭ އަމިއްލަ ޒަމީރާ ސުވާލުކުރެއެވެ. މި އަނިޔާވެރި ދުނިޔެއަށް ފަހުނޭވާ ދޫކޮއްލަން ޔޫހާ ކިތަންމެހާ ބޭނުމެވެ. ލަދުގަންނުވާލާ ދުނިޔެއަށް ބޭޒާރުވެގެން ދިއުމަށް ޒައުލް އޭނަ ދޫކޮއްލީއެވެ. އަދިވެސް އިތުރަށް އޭނަ އެދަނީ ޔޫހާ ބަދުނާމު ކުރަމުންނެވެ. އަމިއްލަ ނަފްސާވެސް ކުރިމަތި ނުލެވޭނޭހާ ވަރަށް ޔޫހާގެ އަގުވައްޓާލަން ޒައުލް ބޭނުންވަނީ ހެއްޔެވެ.
“ޔޫހާ…އަހަރެން މިދަނީ ސްކޫލަށް، ކިޔާން ސިޓިންރޫމުގަ އެކަނި މިހިރީ…” އަފްލީން ސްކޫލަށް ދާން ނުކުންނަމުން ޔޫހާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ބާރަށް ބުނެލިއެވެ. ޔޫހާގެ ހަބަރެއް ނުވެގެން އެންމެ ފަހުން އަފްލީން ގޭން ނުކުތީ ސްކޫލަށްދާ ގަޑި ޖެހިދާނެތީއެވެ. އަފްލީން ގޭން ނުކުތްއަޑުއިވުމާއިއެކު ޔޫހާ ދެލޯފޮހެލަމުން ކޮޓަރިން ނުކުތީ ދަރިފުޅަށްޓަކައެވެ. ހުރިހާ ބުރައަކާއި ބަދުނާމެއް މިހާދުވަސްވަންދެން ތަޙައްމަލު ކުރަމުން އައީ އެދަރިފުޅަށް ޓަކައެވެ. އެޅި ކޮންމެ ފިޔަވަޅެއް އަޅައިފައިވަނީ އެދަރިފުޅުގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައެވެ.
މެންދުރު ގެއަށް އައި ޒައުލް ހަވީރު ވިއިރުވެސް ކޮޓަރިން ނުނިކުމެވެ. ލޫލުއާ ކޮޓަރީގައި ޓަކި ދެމުން ގޮވާލިއެވެ. އެއާއިއެކު ޒައުލް އަވަސް އަވަހަށް ފާހާނާއަށްވަނެވެ. ލޫލުއާ ޒައުލްގެ ހަބަރެއް ނުވުމުން މަޑުމަޑުން ދޮރުހުޅުވާލިއެވެ. ރޫޖެހިފައިވާ އެނދުގައި ޒައުލްނެއްކަން އެނގުނީ އިރުކޮޅަކު ބަލަހައްޓައިގެން ހުރިފަހުންނެވެ. އެހެނީ ކޮޓަރީގައި އަލިކަމެއްނެއްތަނުގައި އަލިވަންނަން ހުރި ހަމައެކަނި ކުޑަދޮރުގެ ފޮތިގަނޑުވެސް ވަނީ ދަމާ ނިވާކޮއްފައެވެ.
“ޒައުލް، މީ ދޮންތައޭ، ފާހާނާގަތަ؟ މާމަ އާއި ބައްޕަ ކަންބޮޑުވެގެން އެބައުޅޭ ކޮއްކޮގެ ހަބަރެއް ނުވެގެން، ސައިބޯން އާދޭ އެނގޭ…ހުރިހާ އެންމެން އެބަތިބި ސައިމޭޒު ދޮށުގަ” ލޫލުއާ ފާހާނާ އާއި ކައިރިވެލަމުން ބުނެލިއެވެ. އޭރު މޫނުދޮންނަ ތަށީގައި ދެއަތުން ހިފަހައްޓާލައިގެން ލޯގަނޑަށް ބަލަހައްޓައިގެން ޒައުލް ހުރީ ބަހެއްވެސް ބުނެނުލައެވެ.
ހިތުގައި ޔޫހާއަށް ޚާއްޞަކަމެއް ދެވިފައިވިޔަސް އޭނަ ދެއްކި ވާހަކަތަށް ގަބޫލު ކުރަން ޒައުލްއަށް އުނދަގޫވިއެވެ. ސަބަބަކަށްވީ ކުރިންސުރެވެސް އަންހެނުންނާއިމެދު އޭނަދެކެމުން އައިގޮތެވެ. ޔޫހާގެ ވާހަކަތަކުގައިވެސް އެފަދަ މަކަރުވެރިކަމެއް އެކުލެވިފައިވެދާނެ ކަމަށް އޭނައަށް ހީކުރެވެނީއެވެ. އިންތިހާއަށް ރުޅިއަންނަނީ ހިތުގައި ޔޫހާއަށް ދެވިފައިވާ ޚާއްޞަ މަގާމުގެ ސަބަބުންކަން ޔަގީނެވެ. ހަދަންވީ ކިހިނެއްކަމެއް ޒައުލްއަކަށް ނޭގެއެވެ.
“ހާދަ ލަހުން ދޮންބެ ތިއައީ، މިހާރު އެންމެން ކައިނިމިއްޖެ” އީލާކް ހިނިއައިސްފައި ބުނެލިއެވެ. ޒައުލް ކުޑަކުޑަކޮށް ހިނިތުންވެލަމުން ކާމޭޒުދޮށުގައި އިށީނެވެ. ލާއިގާއަށް ޒައުލްގެ މާޔޫސްވެފައިވާ މޫނު ދެނެގަނެވުނެވެ. އެހެންނަމަވެސް ޒައުލް ކަންބޮޑުވެ ހާސްވާންޖެހޭވަރުގެ ކަމެއް އޮވެދާނެކަމަށް ލާއިގާ ނުދެކެއެވެ.
“މިހާރަކަށް އައިސް ދަރިފުޅު ތިއުޅެނީ މާބުރަކޮށް، މާމައަށް ތަންކޮޅެއް ކުރިންވެސް މިހެން ބުނެވުނު ކަންނޭގެ” ލާއިގާ ފުން ނަޒަރަކުން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. މިފަހަރުވެސް ޒައުލްގެ އަނގައިން ބަހެއް ނުނިކުތެވެ. އޭނަގެ ހަރަކާތްތައް އަވަސްކޮއްލާފައި ލުއިގޮތެއް ހަދައިލައިގެން ބެލީ ކާމޭޒު ކައިރިން ދުރަށް ދެވޭތޯއެވެ.
“ދޮންބެ ކިތަންމެ ބިޒީވިޔަސް އަޅުގަނޑުގެ ޝޯޯގެ ކަންތައްތައް ކޮއްދޭންވާނެ…ޕްލީޒް” ޒައުލް ތެދުވިތަން ފެނުމުން އީލާކް އަވަސް އަވަހަށް ބުނެލިއެވެ.
“އެކަން ހަނދާން އެބަހުރި، މިވަގުތު މިދަނީ ވަރަށް މުހިއްމު ކަމެއް ހަނދާންވެގެން، މާމާ، ބައްޕާ އަޅުގަނޑު ދިއުމުގެ ހުއްދައަކަށް އެދެން” ޒައުލް ތެދުވެ ހުރެ އީލާކްއަށް ޖަވާބު ދެމުން ލާއިގާ އަށާއި މަންސޫރަށް ބަލާލިއެވެ. އެދެމީހުން އެކުއެކީހެން ބޯޖަހާލިއެވެ.
ޝާއިން ގެއަށް އައިއިރު މުޅި ގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. މަޑުމަޑުންގޮސް ޔޫހާގެ ކޮޓަރީގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ކަރުގައި އޮތް ދިގު ޓައި ދޫކޮއްލަމުން ފަޓުލޫނު ޖީބުގައި އޮތް މޯބައިލް ފޯނު ނަގާ ޔޫހާގެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގުވުމާއިއެކު ޔޫހާ ފޯނު ނެގިއެވެ.
“ނިދަނީތަ؟” ޔޫހާގެ އަޑުގައި ނިދިބަރުކަމެއް އެކުލެވިފައި ވާހެން ޝާއިންއަށް ހީވުމުން އަހާލެވުނެވެ.
“ހޫމް…ސައިހަދަންވީދޯ” ޔޫހާ ބުނެލިއެވެ.
“ނޫނޭ، އަހަރެން އެކަނި ސައިބޯލަ ފާނަން، ޔޫހާ ނިދާލާ…ކިޔާން ކޮބާ؟ ސްކޫލްގަތަ؟” ޝާއިން ސުވާލުކޮއްލިއެވެ.
“ނޫން، މިއަދު ނުގެންދަން، އަހަރެން ކައިރީ ނިދާފަ މިއޮތީ” ޔޫހާ ބުނެލިއަޑުއިވުނެވެ.
“އެހެންތަ، އޯކޭ އަވަހަށް ނިދާލާ ދެން….” ޝާއިން މިހެން ބުނަމުން ފޯނު ބޭއްވިއެވެ. އަދި ކުޑައިރުކޮޅަކު ވިސްނާލަން މަޑުކޮއްލެވުނެވެ. ޔޫހާގެ އަޑުން މިހާރު ހީވަނީ ވަރަށް ހަމަޖެހިފައި ހުރިހެންނެވެ. މިވީ ކިހިނެއްކަމެއް ޝާއިންއަށް ނުވިސްނުނެވެ. އޭނަ އަފްލީންއަށް ގުޅާފައި ކޮންތާކުތޯ ސުވާލު ކުރިއެވެ. އަދި އޭނަގެ ކޮޓަރިއަށް ވަދެގެންދިޔައެވެ.
ރޮޒޭން އާއި ޝުދުފާ އެކުއެކީ އައިއިރު ނަހުލާ އައީ ވަކިންނެވެ. ތިންކުދިންގެ އިންތިޒާރުގައި އީލާކު ސިޓިން ރޫމު ދޮރުމަތީ މަޑުކޮއްލައިގެން ހުއްޓެވެ. އިރުއިރު ކޮޅާ އަތުގައި އޮތް ފޯނަށް ބަލާލާފައި ބޭރު ގޭޓާއި ދިމާލަށް ބަލާލާނެއެވެ. މިއަދުމީ އޭނަގެ މަސައްކަތް ފަށާ ދުވަހެވެ. އެކަންވެސް ހުރިހާ ރަޙުމަތްތެރިންނާއި ޙިއްޞާކުރަން ބޭނުންވަނީއެވެ.
ގޭތެރޭގައި އުޅުނު ލޫލުއާއަށް ހައިރާންކަމެއް ވެރިވެގެންދިޔައީ ޒައުލް އާއިއެކު ވަދެގެން އައި ހާޒިމް ފެނުމުންނެވެ. މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިއުމާއިއެކު އަވަސް އަވަހަށް އިސްޖަހާލައިގެން އެމީހުންނާއި ދުރަށް ހިނގައިގަތެވެ. ހާޒިމްގެ ނަޒަރު ސިއްރު ސިއްރުންނަމަވެސް ލޫލުއާ ހޯދަމުން ދިޔައެވެ. އޭނަ ލޫލުއާ އާއި ބައްދަލުވެވޭނެ އިރަކަށް އިންތިޒާރު ކުރިއެވެ. ޒައުލްގެ ވާހަކަތަކަށް ސަމާލުކަން ދެމުން މައްޗަށް އަރަންހުރި ސިޑީގެ ހަރުފަތްތައް ގިރާކުރަމުންދިޔައިރު އޭނަގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.
“އީލާކް…ކޮއްކޯ…” ލޫލުއާ ޒައުލް އާއި ހާޒިމްގެ ފަހަތުން ސިޑިން އަރައިގެން ގޮސް ލައިބްރަރީ އާއި ޖެހިގެން ހުރި ބޮޑުކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. އެއީ އީލާކްގެ މަސައްކަތަށް މަންސޫރު ދެއްވި ކޮޓަރިއެކެވެ.
“ލައްބަ، އާދޭ އާދޭ…އެތެރެއަށް އާދޭ” އެތަނުގެ ތެރޭގައި ހުރި މޭޒުތަކުން މޭޒެއްގެ މަތީ އަތްއަޅުވާލައިގެން އޮތް އީލާކް ދޮރާދިމާލަށް ބަލާލަމުން ބުނެލިއެވެ.
“މިއައީ ފުރަތަމަ ދުވަހުގެ މަސައްކަތްދަނީ ކިހިނެއްތޯ ބަލާލަން، ހުރިހާ އެއްޗެއް އެބަހުރިދޯ؟ އަނެއްކާ ދޮންތަގެ އެހީތެރިކަމެއް ބޭނުންވޭތަ؟” ލޫލުއާ އެތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ. އަދި އީލާކްގެ ރަޙުމަތްތެރިންނަށް ހިނިތުންވެލިއެވެ.
“ހާޒިމް، އަހަރެން މިވިސްނަނީ ގާޑަންވިއު ހުޅުވުމަށް އީއްކޮގެ ފެޝެންޝޯ ވަރަށް ކަމުދާނެކަމަށް، އަނެއްކާ ސްޕޭސްވެސް އެތަނުގައި އެބައޮތް…ކީކޭ ހާޒިމް ބުނަނީ” ޒައުލް ފައިލަކާއި ވަކިންހުރި ލިޔެކިޔުންތަކެއް ބަލަމުން ހިޔާލެއް ފާޅުކޮއްލިއެވެ.
“އެހާ އަވަހަށް އެހޮޓެލް ހުޅުވޭނެތޯ” ހާޒިމް ސުވާލުގެ ނަޒަރަކުން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
“އާން، އަހަރެން އެތަނުގެ މަސައްކަތް ދާގޮތް ވަރަށް ރަނގަޅަށް އެބަ ބަލަން، އިންޓީރިއާ ޑިޒައިންނިންގެ ބައި ދެން އޮންނާނީ، އެކަންވެސް އިސާ ހިތަކު ނިމުމަކަށް އައިސްދާނެ، އީއްކޮގެ މަސައްކަތްވެސް ނިންމާލެވޭނީ ގާތްގަޑަކަށް މަންތެއްހާ ދުވަސްތެރޭ…ސޯ މާ ރަނގަޅަށްވެސް އެތަން ހަދާ އެއްކޮށް ނިންމާލެވޭނެ، އެކަމަކު ބުނަން، އަހަރެން ހާޒިމް އާއި ޓާސްކެއް ހަވާލު ކުރަން މިވިސްނަނީ” ޒައުލް އަތުގައި އޮތް ލިޔުން މޭޒުމަތީ ބާއްވާލަމުން ހާޒިމްއަށް ސަމާލުކަން ހުއްޓާލިއެވެ.
“ކޮންކަހަލަ ޓާސްކެއްތޯ” ހާޒިމްއަށް ހައިރާންވެފައި އަހާލެވުނެވެ.
“ހެ ހެ ހެ ހެ، ހާޒިމްއަށް ނުވާވަރުގެ ކަމެއް އަހަރެން ނުޖައްސާނަން، ދެން ޓާސްކު ދޯ، ހާޒިމް ކޮއްދޭންވީ ކަމަކީ ފެޝަންޝޯ ޕްރޮޖެކްޓުގެ ހުރިހާ ކަމެއް ބަލަހައްޓާދޭންވީ، މިވަގުތު އަހަރެން އެންމެ އިތުބާރު ކުރާ އެއްފަރާތް ހާޒިމްއަކީ އެހެންވެ މިއެދެނީވެސް، އީއްކޮގެ އެ ޕްރޮޖެކްޓަށް ހިނގާނެ ހުރިހާ ހަރަދެއް ބަލަހައްޓާނީ މަންސޫރު ކޯ އިން…ވަރަށް ޑީޓެއިލްކޮށް ހުރިހާ ހަރަދެއް ފެންނަން ހުންނަންވާނެ، މިކަން ވާނެތަ؟” ޒައުލް އަހާލިއެވެ.
“އަޅުގަނޑު…ލޯޔަރ…” ހާޒިމްއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
“އެނގޭ ހާޒިމްއަކީ ލޯޔަރެއްކަން، އެކައުންޓެއްޓެއް ނޫނީ ފައިނޭންޝަލް ކޮންސަލްޓެންޓެއް ނޫންކަން….ބަޓް އައިނޯ ޔޫގޮޓް ދި ޕޮޓެންޝިއަލް ޓު ޑޫ ދިސް، އަހަރެންނަށް ހުރިހާ ވަގުތެއް އީއްކޮގެ ޕްރޮޖެކްޓަށް ނުދެވުނަސް، އެކަން ވަރަށް ފުރިހަމަ ވާން އަހަރެން ބޭނުން…” މިހެން ބުނެލަމުން ޒައުލް ހިނިތުންވެލިއެވެ.
“މައްސަލައެއްނެތް، އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރެވުނު އެންމެ ފުރިހަމައަކަށް ތިކަން ކޮއްދޭނަން، ޒައުލް އަޅުގަނޑާއި ދޭތެރޭ ތިބަހައްޓަވާ ގާތްކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނަން، އެކަމަކު…ތިވީގޮތުން މިގެއަށް ތަންކޮޅެއް ގިނައިން އަންނަން ޖެހޭނެކަންނޭގެ” ހާޒިމް ހީލަމުން ބުނެލިއެވެ.
“ހާޒިމްގެ ބައްޕަ އާއިމެދު އަހަރެންގެ ބައްޕަ ބަހައްޓަވާ ގާތްކަން ވަރަށް ރަނގަޅަށް އެނގޭ، އަދި އެކަން ފެނިފަ މިހުރީ، ހާޒިމް އަހަންނަށްވުރެ ދޮށި ވިއެއްކަމަކު ހާޒިމްގެ އުޅުން ރަނގަޅުވެފަ ތިހުންނަ ހިތްހެޔޮ މިޒާޖު އަހަންނަށް ކަމުދަނީ، ދެން ބުނަން، އަހަރެން ގޭގައިއުޅޭ ހުރިހާ އެންމެނަށް އަންގާނަން ހާޒިމް މިގެއަށް އަންނާނެ ވާހަކަ އަދި މިއަދުން ފެށިގެން ހާޒިމްވަނީ އީއްކޮގެ މަސައްކަތަށް ޚާއްޞަ ކުރެވިފައިކަންވެސް އަންގާނަން، އެގޮތް އެންމެ ރަނގަޅެއްނު، އެހެންނޫނަސް އީއްކޮ އާއިއެކު މަސައްކަތް ކުރާ މީހަކު ފޫއްސެއް ނުވާނެ…ހެ ހެ ހެ” ޒައުލް ބުނެލިއެވެ. އަދި ލުއިގޮތަކަށް ހީލިއެވެ.
ރޭގަނޑު ހަތެއް ޖަހަން އުޅެނިކޮށް ކޮޓަރިިން ނުކުތް ޔޫހާ އަވަސްވެވަތީ ކިޔާންއަށް ކާއެއްޗެއް ދެވޭތޯއެވެ. އޭރު ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ސިޓިން ރޫމުގައި ޓީވީ ހުޅުވާފައި ހުއްޓެވެ. ވަގުތުން އެއީ އަފްލީންގެ ކަމެއްކަން ޔޫހާއަށް ނަގައިގަނެވުނެވެ. ޔޫހާ ކިޔާންއަށް ކާންދީ ނިމުނުއިރު ވަރުބަލިވެއްޖެއެވެ. މިރޭ އެއްގޮތަކަށްވެސް ކިޔާން އެއްތާކު މަޑުން އިނދެގެން ކާކަށް ބޭނުމެއްނުވިއެވެ. ކިޔާންގެ ސަކަރާތުގެ އަޑަށް ޝާއިންވެސް ނުކުމެއްޖެއެވެ.
“އަވަހަށް އާދޭ ތުންދޮންނަން” ޔޫހާ ކިޔާންއަށް ގޮވާލިއެވެ.
އަފްލީންވެސް ކޮޓަރިން ނުކުތްގޮތަކަށް ކިޔާންގެ ފަހަތުން ދުއްވައިގަތެވެ. ޝާއިން ހެމުން ހެމުން ޔޫހާގެ ގާތަށް އައިސް ކާމޭޒު ކައިރީ އިށީނެވެ. އޭނަ ޔޫހާގެ ހަރަކާތްތަކަށް ބަލަންއިނެވެ. ޔޫހާ ކަމަކާ ހިތާމަ ކުރާފަދަ އެއްވެސް އަސަރެއް ނުފެނުނެވެ. ޔޫހާ ކާމޭޒުގައި ތަށިތައް އަތުރަމުން ދިޔަވަގުތު ޝާއިން ޔޫހާއަށް ގޮވާލިއެވެ.
“ކިހިނެއްވީ؟ ހާދަ ގޮތަކަށް ތިގޮވާލީ” ޔޫހާ ބުނެލިއެވެ.
“އަފްލީން ދޮގެއް ނުހަދާނެކަން އަހަންނަށް އެނގޭ، މިވާހަކަ ނުދައްކަން ހުރީ އެކަމަކު ޔޫހާ އަމިއްލައަށް ފެނިގެން މީހަކު ކައިރީ އެއްވެސް ވާހަކައެއް ނުދައްކާނެކަން އަހަންނަށް އެނގޭ، ދެން ބުނެބަލަ، މިއަދު ކިހިނެއްތަވީ؟ ހޮޓެލްގަ ކަމެއް ހިނގީތަ؟ ޕާރކްވިއުއަށް ދިޔަފަހުން ޔޫހާ އުޅެނީ ފާޑަކަށް، ނިކަން ވީގޮތެއްވެސް ބުނެބަލަ…އަނެއްކާ ފައުޒީގެ ފަރާތުން ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވަނީތަ؟ މީހަކު ހުންނަ ގޮތަކުން ނޭގޭނެ ވިއްޔަ…” ޝާއިން ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އޭނަ އާއި ޔޫހާ އާއިދެމެދު ދެކެވޭ ވާހަކަ އަފްލީންއަށް އަޑުއިވެން ބޭނުންނުވާތީއެވެ.
“ނޫން، ފައުޒީގެ ފަރާތުން ޝާއިން ތިހީކުރާ ފަދަ އެއްވެސް ކަމެއް ނުވޭ، އެކަހަލަ ކަމެއް ނުވެޔޭ، ދެން މިހެން އުޅޭއިރު އެކިއެކި ކަންތައްތަކާވެސް ދިމާވާނެއެއްނު…އަހަންނަށްވެސް އެނގޭ މިގޮތަށް އުޅެންޖެހޭއިރު ވަރަށް ގިނަ ކަންތައްތަކާ ކެތްތެރިވާން ޖެހޭނެކަން، ޝާއިން ކަންބޮޑުނުވެބަލަ، އެއްވެސް ކަމެއް ނުވެޔޭ” ޔޫހާ ބުނެލިއެވެ.
“ނުބުނަންދޯ ތިއުޅެނީ” ޝާއިން ބުންޏެވެ.
“ކަމެއްވީނަމަތާ ބުނާނީ، ސީރިއަސްކޮށޭ ޝާއިން، ހަމަ އެއްވެސް ކަމެއްނުވޭ، ބައެއްފަހަރު ރޯލުމުންވެސް ހިތަށް ހަމަޖެހުން ލިބެއެއްނު، އެއިން ކޮންމެ ފަހަރަކީ ސަބަބަކާ ލައިގެން ރޯފަހަރުތަކަށްވެސް ނުވެދާނެއެއްނު، ދެން ތިވާހަކަ ނުދައްކާ، އެހެންނޫނީ އަފްލީން ސުވާލުކުރާވަރުން އަހަންނަށް މިތާ އިންނަންވެސް އުނދަގޫވާވަރު ކުރާނެ…ޕްލީޒް ޝާއިން، އަހަރެން ބުނީމަ ދެން ގަބޫލުކޮއްބަލަ، އެއްވެސް ކަމެއް ނުވެއޭ” ޔޫހާ ޝާއިންގެ ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ. ޝާއިންއަށް އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ. އެހެންނަމަވެސް މިހާދުވަސްވީއިރު އޭނައަށް ޔޫހާ އެނގެއެވެ.
ޔޫހާގެ ހިޔާލުތަކާއި ދުރުވުމަށްޓަކައި ޒައުލް ޕާރކްވިއު ހޮޓެލްއަށް ދަނީ ވަރަށްވެސް މަދުންނެވެ. ގިނަވަގުތު ހޭދަ ކުރަނީ އަލަށް ހުޅުވަން ހަމަޖެހިފައިވާ ހޮޓެލްގެ މަސައްކަތްތައް ބެލުމުގަ އާއި ހުޅުމާލޭގައި އަޅާ ނިމެމުންދާ ލަގްޒަރީ ހޮޓެލްގެ މަސައްކަތްތައް ބެލުމުގައެވެ. ސިކުނޑިއަށް ވިސްނާނެ ފުރުޞަތުވެސް ދޭން ޒައުލް ބޭނުންނުވަނީއެވެ. އަދިވެސް އޭނައަށް ޔޫހާގެ ފަރާތުން ލިބުނު ކުއްލި ޙަބަރު ހަޖަމުކުރާނެގޮތެއް ނޭގެއެވެ. ލާއިގާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނަގެ އަތުގައި ނެތެވެ. ބުރަކަށްނޫޅޭނަމަ އޭނަގެ ސިކުނޑިއަށް ބުރަވެދާނެކަން ގައިމެވެ. އުމުރުގައި މިނޫނީ ދުވަހަކުވެސް ބޮޑު އިމްތިހާނަކާއި ކުރިމަތިލާން ޖެހިފަކައި ނެތެވެ. ކުރިމަތިލުމުގެ ބަދަލުގައި އެކަމާ ދުރަށް ދިއުމަށްޓަކައި ކުރެވުނު އޮތް ކަމެއްވެއްޖެއްޔާ ޒައުލް ކުރާނެކަން ގައިމެވެ.
ކޮންމެ ދުވަހަކީވެސް މުޅިން އާކަންތައްތަކެއް ކުރިމަތިކުރުވާ ދުވަހެކެވެ. ހީނުކުރާ އެތަށްކަމެއް ކުރިމަތިވެއެވެ. އެހުރިހާ ކަމަކުން އުފަލާ ހިތްހަމަޖެހުން ނުލިބޭ ފަހަރުތައްވެސް މަދެއްނޫނެވެ. އެކަމަކު އުއްމީދު ގެއްލުވައެއް ނުލައެވެ. އެހެނީ ދުވަސްނިމިގެންދާއިރު އެތަށް އެތަށް ފިލާވަޅުތަކަކާއި އިބްރަތްތަކެއް ހާޞިލްވެގެންދާތީއެވެ.
އައި ގަދަ ތޫފާނީ ވައިގާ ޔޫހާގެ ދިރިއުޅުމުގެ ހުޅުކޮޅު ނިވެމުންދަނިކޮށް ސަލާމަތްކުރެވުނީ ކިރިޔާއެވެ. ގެއްލެމުންދިޔަ އުއްމީދު އާވެގެންދިޔައީ އަމިއްލަ ނަފްސަށް ކުރެވިފައިވާ ވަޢުދުގެ ސަބަބުންނެވެ. އިންތިހާ ދަރަޖައަށް ކެތްތެރިވަމުން ދިޔައީ ލޯކުރިމަތީ އަބަދުހެން އުޅޭ ލޯބިވާ ދަރިފުޅުގެ އުފަލަށްޓަކައެވެ. އެންމެހާ އިޙްސާސްތައް ހިތުގައި ވަގުފު ކުރަމުންނެވެ. ޒައުލްގެ ކުރިމަތީ މިހާތަނަށް ޔޫހާ ފޮރުވަމުން އައި އެންމެ ބޮޑު ސިއްރު ހާމަ ކުރިފަހުން އޭނަގެ ކުރިމައްޗަށް ޒައުލްއެއް ނާރައެވެ. އެއްގޮތުން އެކަމާ ހިތްހަމަ ޖެހުނެއްކަމަކު ޒައުލް މަޑުމަޑުން ހުރެ ނުބައި ރޭވުމެއް ރާވަފާނެތީ ޔޫހާ ކަންބޮޑުވެއެވެ.
ހަފްތާގެ އޮފް ދުވަސް ދިމާވީ ހޮނިހިރު ދުވަހަށް ކަމަށްވީތީ ޔޫހާ ހަވީރުގެ ގަޑީގައި ތައްޔާރުވަމުންދިޔައީ ކިޔާން ގޮވައިގެން ހިނގާލަން ދިއުމަށެވެ. ބަންދު ދުވަހަކާއި އޮފް ދިމާވެއްޖެނަމަ އާދަވެގެން ޔޫހާ ކިޔާން ގޮވައިގެން ބޭރަށް ދާނެއެވެ.
“ހާދަ މީރުވަސް ދުވައޭ، ޝައިންބެ ގޮވައިގެން ދާންވީނު” ސިޓިން ރޫމު ސޯފައިގައި އިން ޝާއިންގެ ގާތަށް ކިޔާން އައުމުން ބުނެލިއެވެ.
“މަންމި ބުނީ މަންމި އާއި ކޮއްކޮ އެކަނިއޯ ދާނީ، އަފޫވެސް ބަހައްޓާފަ” ކިޔާން މިހެން ބުނެލަމުން ލާނެއްގޮތަކަށް ހީލިއެވެ. ކިޔާންގެ ހަރަކާތްހުރިގޮތުންނާއި ހީލިގޮތުން ޝާއިންގެ ގާތަށްވެސް ހިނިއައެވެ. އަދި ލޯތްބާއިއެކު ކިޔާން އުރާލަމުން އޭނަގެ ފައިމަތީ ބޭންދިއެވެ. އޭރު ޔޫހާ ކޮޓަރިން ނުކުންނަނީއެވެ. ޔޫހާ ފެނުމާއިއެކު ކިޔާން ޝާއިންގެ ކައިިރިން ސަލާމަތްވެގެން ދުވެލާފައި ޔޫހާގެ ގާތަށް ދިޔައެވެ.
ދެކޮޅަށް ދުވެ ދުވެފައި ގޭތެރޭގައި އީލާކް އުޅެއެވެ. އޭނައަށް އެހީތެރިވަމަށް އޭނަގެ ރަޙުމަތްތެރިން އުޅެއެވެ. މަސްދުވަސް ތެރޭ އޭނަގެ ހުރިހާ ހެދުމެއް ފަރުމާކޮށް ނިންމާލެވޭތޯ އޭނަގެ ހުރިހާ ވަގުތެއްހެން ދިޔައީ މަސައްކަތުގައި ހޭދަކުރަމުންނެވެ. އީލާކްގެ ފެޝަން ޝޯގެ މަސައްކަތްވީ ހާޒިމް އާއި ލޫލުއާ ގާތްވުމަށް މެދުވެރިވި އެންމެ މުހިއްމު އެއްކަންތައް ކަމުގައެވެ. ބިރުކަނޑާލާފައި ހާޒިމް ލޫލުއާގެ ގާތުން އޭނަގެ ފޯނު ނަންބަރު އެހިއެއްކަމަކު އޭނަ ހުރީ ޖެހިލުންވެސް ވެފައެވެ. އެހެންނަމަވެސް ލޫލުއާގެ ފަރާތުން ފެންނަ ލަދުވެތި ހަރަކާތްތަކުން އޭނަ ހާޒިމް އާއި ގަޔާވާކަން އެނގެއެވެ. އެގުޅުމުގެ ފުރަތަމަ ބާބު ފެށިގެން ދިޔައީ އެހިސާބުންނެވެ. ކައިރީގައި އުޅޭ މީހުންނަށް ސިއްރުންނެވެ. އަބަދު ބަލަބަލާ ހުންނަ ލާއިގާގެ ލޮލަށްވެސް ނުފެނިއެވެ.
ހަވީރުގެ ވަގުތަށްވެފައި ސައިތަބަށްތައް އީލާކްގެ އެދުމަށް އޭނަގެ ކޮޓަރިއަށް ގެންދިޔައީ ގޭގައި ގެންގުޅޭ ކުއްޖާ އާނާއެވެ. އޭރު އީލާކް އާއި އޭނަގެ ތިންރަޙުމަތްތެރިން ކޮޓަރީގައި ތިއްބެވެ. މަންސޫރާއި ލާއިގާ އާއިއެކު ލޫލުއާ ސައިމޭޒު ދޮށުގައި އިންއިރު މެހެމާނެއްކަމުގައި ހާޒިމްވެސް އިނެވެ. ދޭތެރެ ދޭތެރެއިން ލޫލުއާއަށް ބަލާލާފައި ލާނެއް އިޝާރާތެއްކޮއްލައެވެ.
“މިއަދުވެސް ޒައުލް ހުޅުމާލެއަށް ދިޔައީތަ؟” ލާއިގާ މަންސޫރަށް ބުނެލިއެވެ.
“މަންމާ، ކީއްތޯ ކުރާނީ، ޒައުލް އެހާ ބުރަކޮށް އުޅެންވީ ސަބަބެއް ނޭގުނު….ޒައުލް ކުރިން އުޅުނުވެސް ގޮތެއްނޫނެއްނު، ކުރިން ހުންނަ ސަކަ މިޒާޖެއް މިހާރަކު ނުހުރޭ، ހަރުދަނާވީމަ ކަންނޭގެ” މަންސޫރު ސައިތަށި ތުނބުގައި ޖަހާލަން ތައްޔާރުވެލައިފަވެސް މަޑުކޮއްލަމުން ބުނެލިއެވެ.
“ބަލަ ކިޔާން، ދަރިފުޅު އެކަނި ފެންފުޅިން ނުބޮވޭނެއޭ…ތިހެން އުޅެނިކޮށް މުޅިގަޔަށް ފެންފުޅި ބަންޑުންވެދާނެ، ދައްކަބަލަ މަންމަ ދޭނަން، އަން މަންމައަތުން ފެންފޮދެއް ބޯލާ…” ދުވާރުމަތީގައި މަޑުކޮއްލައިގެން ހުރި ޔޫހާ އޭނަގެ ގާތުގައި ހުރި ކިޔާންއަށް ކުޑަފެންފުޅިއަކުން ފެންދެވޭތޯ މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. ކިޔާން ބޭނުންވަނީ އޭނަގެ އަމިއްލަ އަތުން ފެންފުޅީގައި ހިފަހައްޓާލައިގެން ހުރެ ފެންބޯށެވެ. ނަމަވެސް ޔޫހާ ކަންބޮޑުވަނީ ކިޔާންގެ މުޅިގަޔަށް ފެންފުޅި އެޅި ތެމިދާނެތީއެވެ.
“ދެން ތިހެން އުޅެންޏާ ދާނީ ގެއަށް، ޕާކަށްވެސް ވެލި ކުޅޭތަނަކަށްވެސް ނުގެންދާނަން” ޔޫހާ ހިތްހަމަ ނުޖެހުނު ގޮތް ދައްކާލަމުން ބުނެލިއެވެ. ކިޔާން ބޮޑާ ހާކާލިއެއްކަމަކު ޔޫހާގެ ބަސްއެހިއެވެ. ދެމައިން އެކުގައި ހިނގައިގަތެވެ. ކުޑަކުދިންގެ ބަގީޗާގެ ދޮރުން ވަތްއިރު އެކިކުލަ ކުލައިގެ ކުޅޭ އެއްޗެހި ވިއްކާ މީހާ ފެނުމުން ކިޔާން ޔޫހާގެ އަތަށް ދަމާލަމުން އެމީހާ ދައްކާލިއެވެ.
“ކޮއްކޮ އެކަހަލަ ފޭންއެއް ބޭނުން…ޕްލީޒް މަންމި” ކިޔާންއަށް ކުޅޭއެއްޗެހި ވިއްކާ މީހާގެ އަތުގައި ވަޔާއިއެކު އެނބުރޭ ބުރަފަތިލާފައިވާ ދިގުދަނޑިއެއް ފެނި އޭތި ކަމުދިޔަ ވަރުން ބުނެލިއެވެ.
“ކޮއްކޮ ކުދިންނާއިއެކު ކުޅެލާފަ އަންނަންވާއިރަށް މަންމަ ގަނެދޭނަން، ދެން ދޭ އަވަހަށް ކުޅެލަން….ބަލާ އެތިބަ އުޅެނީނު ދަރިފުޅު ވަރުގެ ކުދިން” ޔޫހާ ކިޔާންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގަމުން ބުނެލިއެވެ. އެއާއިއެކު ކިޔާން ދުއްވައިގަނެއްޖެއެވެ. ކުޅޭއެއްޗެހިތަކަށް އެރުމަށެވެ. ޔޫހާ ބަގީޗާގެ ދޮރުކައިރީ ހުރި މީހާގެ އަތުން ކިޔާންއަށް ކަމުދިޔަ ކުޅޭކުލޭ ބުރަފަތިލާފައިވާ ދިގުދަނޑި ގަތެވެ. އަދި އެހިފައިގެންގޮސް ކިޔާން ކުޅެން އުޅޭތަން ފެންނަހިސާބުގައި ހުރި ހިލަގޮނޑިއެއްގައި އިށީނެވެ.
އިރުގަނޑަކު ކުދިންނާއިއެކު ދުވެދުވެފައި ކުޅެން އުޅުނު ކިޔާން ޔޫހާގެ ގާތަށް އައެވެ. ދާހިއްލާ ފޯވެފައިހުރި ކިޔާންގެ މޫނު ޔޫހާގެ އަތްދަބަހުން ނެގި ރުމާލުން ފޮހެދެމުންދިޔައެވެ.
“މަންމި، މޫދުކައިރިއަށް ދާން…” ޔޫހާގެ އުނގުތެރެއަށްވަދެހުރި ކިޔާން ބުނެލިއެވެ.
“ދަރިފުޅު ވަރުބަލިވީތަ؟” ޔޫހާގެ ޖުމްލަ ނުނިމެނިސް ކިޔާން ބޯޖަހާލިއެވެ. އަދި ޔޫހާ ދިއްކޮއްލި ކުޅޭ އެތިފެނުމުން އުފަލުން ފުއްމަންފެށިއެވެ. ޔޫހާ ކިޔާން ދާންބޭނުންވިކަން އެނގުމުން ތެދުވެ ހިނގައިގަތީ ބަގީޗާއިން ނުކުތުމަށެވެ.
އަމީނީމަގު ހުރިގޮތަށް ކިޔާންގެ އަތުގައި ހިފާލައިގެން ހުރެ ޔޫހާ ހިނގަމުންދިޔައެވެ. އަދި ލޮނުޒިޔާރަތްކޮޅު ތިނެސްކަން ގާކައިރިން މަގުހުރަސްކޮއްލީ ކިޔާން އުރައިލައިގެންނެވެ. ބަންދު ދުވަހަކަށްވެފައި ދުއްވާއެއްޗިއްސާ ހިނގާމީހުންގެ އިތުރުން އެސަރަޙައްދުގައި އުޅޭ ކުޑަކުދިންވެސް މަދެއްނޫނެވެ. ތޮށިގަނޑު މަތީ ކިޔާން ބަހައްޓަމުން ޔޫހާވެސް ތޮށިގަނޑުގައި ކުޑަކުޑަކޮށް ބުޑުޖައްސާލައިގެން އިށީނެވެ.
“ދަރިފުޅުތަ؟” އެތަނުގައި އިން ޒުވާން ފުރައިގެން އަންހެނަކު އަހާލިއެވެ.
“ހޫމް…” ޔޫހާ ހޫން ލައްވާލުމުން އެއަންހެން މީހާ ކިޔާން އާއިއެކު ވެލިކުޅެން އުޅުނު ދެކުދިންގެ ތެރެއިން ކުއްޖަކު ދައްކާލަމުން އެއީ އޭނަގެ ދަރިފުޅު ކަމުގައި ބުނެލިއެވެ. ހިތްހެޔޮ ވައްތަރު ޖަހާ އަންހެނެއް ހެން ހީވެއެވެ. އޭނަވެސް އެކަނި ދަރިފުޅު ގޮވައިގެން އެތަނުގައި އިންދާ ޔޫހާ ފެނުމުން އަނގަތަޅާލަން ބޭނުންވީ ކަންނޭގެއެވެ. ޔޫހާވެސް ވާހަކަދެއްކީ އެހެން ހީކޮށެވެ.
މާލެތޮށިކައިރިއަށް ގާތްކުރި ލޯންޗުން ފޭބި ޒައުލް އާއި ދިމާލަށް ހުޅުމާލެފެރީއިން ފޭބި ވަރަށް ގިނަ މީހުންގެ ލޯތަށް އަމާޒުވަމުންދިޔައެވެ. އަވަސް ފިޔަވަޅުތަކުގައި މަގާއިވީ ފަރާތަށް ނުކުތްއިރު ޖަމާލު ކާރުގައި ޓަރމިނަލްގެ އެއްފަރާތުގައި މަޑުކޮއްލައިގެން އިނެވެ. އިސްޖަހާލައިގެން މީހުންނަށް ނުބަލާވޭތޯ ބަލަމުން ޒައުލް ގޮސް ކާރަށް އެރިއެވެ.
“މީހުން ބަލާވަރުންވެސް…” ކާރުގެ ދޮރުފަތް ލައްޕާލި ޒައުލް މިހެން ބުނެލަމުން ބޯދެފަރާތަށް ހޫޫރާލިއެވެ.
“ކުޑަސާހިބް ނުދަންނަ މީހުން ވަރަށް މަދުވާނެއެއްނު، އެހެންވެކަންނޭގެ އެބަލަނީ…ކުޑަސާހިބް، ކޮންތާކަށްތޯ ދާންވީ” ޖަމާލު އޭނަގެ ހިޔާލުފާޅުކުރަމުން ދާންވީތަން އޮޅުންފިލުވުމަށް އަހާލިއެވެ.
“ގެއަށްދާނީ، އެހާ އަވަސް އަރުވާނުލިޔަސް އެންމެ ރަނގަޅު…މައްސަލައެއްނެއް މިހެން ބޭރުމަގުން ދިޔަޔަސް” ޒައުލް ކާރުގެ ފަހަތު ސީޓުގައި ހަމަޖެހިލިއެވެ. ޖަމާލް ބޯޖަހާލަމުން ލައްބައޭ ބުނެ ކާރުދުއްވަމުންދިޔައެވެ. މީހުން ގިނަ ސަަރަޙައްދެއްވީމާ މާބާރަށް ކާރުދުއްވާކަށް ޖަމާލް ނޫޅެއެވެ. ހުއްދަދެވިފައިވާ މިންގަނޑަށްވުރެވެސް މަޑުން އޭނަ ދުއްވަމުންދިޔައެވެ. ކަޅުބިއްލޫރިޖަހާ އެތެރެނުފެންނަގޮތަށް ހުރި ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރުބަލަމުން ޒައުލް ދިޔައެވެ. ރާޅުގަނޑުގައި ރާޅާއަޅަން އުޅޭ އެކިއުމުރު ފުރައިގެ މީހުންގެ ހަރަކާތްތައް ޒައުލްއަށް ވަރަށް ކަމުދިޔައެވެ. ގޮސްއޮބާލަންދެން އެމަންޒަރުތަކަށް ބަލަން ޝައުގުވެރިކަމާއިއެކު އިނެވެ.
“ޖަމާލް، މަޑުކޮއްބަލަ…އޭނދީ ޔޫހާތަ؟” ކުއްލިއަަކަށް ޒައުލްގެ ބުނުމަށް ޖަމާލްއަށް ކާރުމަޑުކޮއްލެވުނީ ތަންކޮލެއް ފަހުންނެވެ. ދުއްވާއެއްޗެހީގެ ބައިބޯކަމުން ކުއްލިއަކަށް މަޑުކޮއްފިނަމަ އެކްސިޑެންޓެއްފަދަ ދެރަ ހާދިސާއެއް ހިނގާފާނެތީ އެކަމާ ވިސްނާލެވުނީއެވެ.
“ކުޑަސާހިބް ޓްރެފިކް…” ޖަމާލްއަށް ބުނެލެވުނެވެ.
“އޭނދީ ޔޫހާދޯ، ނޫނީ އަހަންނަށް ފެންނަ ގޮތަކީތަ؟” އަނެއްކާވެސް ޒައުލް ޖަމާލުގެ ކައިރިން އަހާލިއެވެ. ޔަގީންނުވެގެން އަހާލާފަދަ ގޮތަކަށެވެ.
“ލައްބަ، އެއީ ހަމަ ޔޫހާ މެޑަމް، ގޮވާލަންވީތޯ” ކުޑަދޮރުން ބޭރު ބަލާލި ޖަމާލް ޔަގީންކަމާއިއެކު ބުނެލިއެވެ.
“ނޫން ގޮވާނެކަމެއްނެއް، މިތަނުގައި އެހަށް ކާރު ޕާކުކޮއްލާ” ޒައުލްއަށް ކުއްލިއަކަށް އެއްވެސް ވިސްނުމަކާއިނުލާ ބުނެލެވުނެވެ.
ސުނާމީ ބިނާކައިރީ ޕާކުކޮއްލެވިފައިވާ ކާރުގެ ފަހަތު ސީޓުގައި ފަހަތަށް އެނބުރި ޒައުލް އިންއިރު އޭނަ ދިޔައީ ކުރިމަތިން ފެންނަމުންދިޔަ ޔޫހާގެ ހަރަކާތްތަކަށް ބަލަމުންނެވެ. ދޭތެރެއަކުން ދުވެފައި ޔޫހާގެ ގާތަށް އަންނަ ކިޔާންގެ ހަރަކާތްތަކަށްވެސް އޭނަ ބެލިއެވެ. ދަރިފުޅުގެ ބައެއް ހަރަކާތްތަކުން ޔޫހާ ހީލާގޮތުން ޒައުލްގެ ހިތަށް އުނދަގޫ ކުރުވިއެވެ. އޭނަގެ ތުންފަތަށްވެސް ބޭނުންނުވިކަމުގައިވިޔަސް ކިޔާންގެ ހަރަކާތްތަކުން ހިނިތުންވުން ގެނުވައިފިއެވެ. އެކުއްޖާ އެހާ ޙާއްޞަވާންވީ ކީއްވެހެއްޔެވެ. އަނެއްކޮޅުން ޔޫހާގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެންނަންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނައަކަށް ނުވިސްނުނެވެ. ކީއްވެކަމެއް ނޭގެއެވެ. ޒައުލް ކިޔާންއަށް ބެލިވަރަކަށް ހިތާސިކުނޑީގައި ސުވާލުއުފެދެމުންދިޔައެވެ.
“ހާދަ ވައްތަރޭ، ކީއްވެތަ އެހާ ވައްތަރުވާންވީ…އަހަންނަށް ކިޔާންފެންނަ ކޮންމެ ފަހަރަކު ހިތަށް މިކަހަލަ ބުނެދޭންނޭގޭ ގޮތްތަކެއް މިވަނީ ކީއްވެތަ، ނޫނީ ޔޫހާ އެބުނަނީ ހަމަތެދެއްބާ، އޭނަ އަހަރެންގެ މުއްސަނދިކަމަށް ވެރިވެގެންނަންބާ އެއުޅެނީ، ކީއްވެތަ ޔޫހާ މަތިން އެހާވަރަށް ހަނދާންވާންވީ، އެރޭގެ ހާދިސާއަކީ މިސްޓޭކަކަށްވާއިރު އެރޭވީ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާނުލެވިގެން މިއުޅެނީ ކީއްވެތަ…ސިކުނޑީގައި އަބަދުހެންވަނީ ޔޫހާ ޔޫހާ ޔޫހާ…ސިކުނޑި ފަޅައިގެން ދާހާވޭ، އަހަރެން ކިހިނެއްތަ ހަދަންވީ، ވައްތަރު މީހުން އުޅޭ، އެގޮތަށް ކިޔާންވެސް އަހަރެން ކުޑައިރު ހުންނަގޮތާ ވައްތަރީ ކަންނޭގެ، ނޫން ނޫން، ޔޫހާ އަކަށް ނޭގޭނެ އަހަރެންގެ ކުޑައިރު ކީއްކުރަން އެއްވެސް ހަގީގަތެއް، ނޫނީ އޭނަ އަހަރެންގެ ހުރިހާ ވަނަވަރެއް ހޯދީބާ…ހުރިހާ ކަމެއް މިކުރަނީ ރޭވުމެއްގެ ދަށުންބާ…ޔޫހާ، އަހަންނަށް އޮޅުވާލަ ފާނެތަ؟…ކީއްވެ އޭނަ އޮޅުވާނުލަންވީ، އެވެސް އަންހެނެއްވިއްޔަ، އެކަމަކުވެސް ނުފިލާނެ ތިހަނދާންތަކެއް…އަހަންނަށް ޔޫހާދެކެ ލޯބިވެވެނީބާ؟ ލޯބިވެވުނީމަތަ މިފަދަ އިޙްސާސްތައް ކުރެވެނީ…” ޔޫހާ އާއި ކިޔާންއަށް ނަޒަރުހުއްޓާލައިގެން އިން ޒައުލްގެ ހިތަށް އަރަމުންދިޔައެވެ.
ދަރިފުޅު ގޮވައިގެން ޔޫހާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސުމުންނެވެ. އެދެމައިންގެ ހަރަކާތްތައް ބަލަން ކާރުގައި އިން ޒައުލް ކާރު ދުއްވާލުމަށް ޖަމާލުގެ ގާތުގައި ބުނީ ލޮލުކޮޅަށް ޔޫހާ އާއި ކިޔާން ގެއްލުނުފަހުންނެވެ.
“ގެއަށްތޯ ދާންވީ” ޖަމާލު އަހާލިއެވެ.
“ނޫން އަދި ގެއަށް ދާކަށްނުވޭ، ޔޫހާ އުޅޭގެއަށް ޖަމާލްއަށް ދާން އެނގޭނެތަ؟” ޒައުލް ފަހަތު ސީޓުގައި ހަމަޖެހިލާފައި އަހާލިއެވެ.
“ލައްބަ ކުޑަސާހިބް، އެގެއަށް ގެންގޮސްދޭންވީތޯ” ފަހަތު ސީޓުގައި އިން ޒައުލް އާއި ދިމާލަށް އަރިއަކަށް އެނބުރިއިން ޖަމާލު ބުނެލިއެވެ.
“ހޫމް…” ޒައުލް ބޯޖަހާލަމުން ހޫންލައްވާލިއެވެ. އެއާއިއެކު ވަގުތު ބޭކާރުކުރުމެއްނެތި ޖަމާލު އަވަސް އަވަހަށް ކާރު ދުއްވާލައިފިއެވެ. އެކިމަގުތަކަށް އަޅަމުން ދުއްވާއެއްޗިއްސާއި ހިނގާބިނގާވެ އުޅޭމީހުންނަށް ބަލަމުންގޮސް ޖަމާލު ކާރުގެ ދުވެލި މަޑުކޮއްލީ މާލޭގެ އާދައިގެ ވަރެއްގެ މަގަކަށް ވަދެފައެވެ.
“ކިހިނެއްވީ؟” ކާރުގެ ދުވެލި މާމަޑުވުމުން ޒައުލް އަހާލިއެވެ.
“ކުޑަސާހިބް، އެއީ އެގެއަކީ…ގްރީން ދޮރުލާފަ…” ޖަމާލު އިނގިލީގެ އިޝާރާތުން ޒައުލްއަށް ދައްކާލިއެވެ.
“ތަންކޮޅެއް ދުރުގައި، އެހެންނަމަވެސް އަހަންނަށް އެގެފެންނަ ހިސާބުގައި ކާރު ޕާކުކޮއްލަދީ…މިހާކަން ހިސާބު ރަނގަޅު ކަންނޭގެ، އަދި ޔޫހާއަކަށް ގެއާއި ހަމައަކަށް ނާދެވޭނެއެއްނު” ޒައުލް ބުނެލިއެވެ. ޖަމާލު ހައިރާންކަމާއިއެކު ޒައުލްގެ އެންގުމަށް ކިޔަމަންވަމުން އޭނައެދޭގޮތަށް ކަންތައްކުރަމުންދިޔައެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ޒައުލް ޔޫހާއަށް ދޭސަމާލުކަން ޖަމާލްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނަގެ ސިކުނޑިއަށް ނުވިސްނިގެން އުޅެނީ އެންމެ ކަމެކެވެ. އެހާ ޒަމާންވަންދެން މަންސޫރު އާއިލާގައި މަސައްކަތް ކުރިއިރު ޒައުލްގެ ފަރާތުން މިފަދަ ހަރަކާތެއް ދުވަހަކުވެސް ފެނިފައިނުވުމެވެ. އަދި ޖަމާލް ހީކުރާ ގޮތުގައި ޔޫހާ އަކީ މީހަކާ އިނދެގެން އުޅޭ ދަރިއަކުވެސް ހުންނަ އަންހެނެކެވެ. އެފަދަ އަންހެނެއްގެ ފަހަތުން ޒައުލް އުޅުމީ އޭނަގެ ޠަބީޢަތާއި މުޅިން ހިލާފުކަމެކެވެ. ވީއިރު ޔޫހާގެ އަމިއްލަ ނަފްސާއިގެން އޭނަ ދޫކޮއްނުލާ އަބަދު ފަހަތުން އުޅެންވީ ސަބަބެއް އޭނަގެ ވިސްނުމަކަށް ނައެވެ. އާއިލާއަށް މިއިން އެއްވެސް ކަމެއް އެނގިއްޖެނަމަ ވާނެގޮތްވެސް ޖަމާލްއަށް އެނގެއެވެ. މަންސޫރު އާއިލައިން ގަބޫލުކުރާވަރުގެ އެއްވެސް ސިފައެއް އެއަންހެން ކުއްޖާއަށް ލިބިފައެއްނެތެވެ. ވީއިރު އެފަދަ އަންހެން ކުއްޖަކާ އެހާވަރުން ގުޅުން އުފައްދަން ޒައުލް އެމަސްކަތްކުރަނީ ކީއްވެކަން އޭނަވެސް އެނގެން ބޭނުންވެއެވެ. ޒައުލްގެ ޚާއްޞަ ނޯކަރެއްގެ ގޮތުގައި ހުރެ އޭނަ އެކަކުގެ ކައިރީވެސް އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ގަސްދެއްނުކުރެއެވެ. އެހެނީ އޭނައަކީ ވަފާތެރި ހާދިމަކަށްވީކަމެވެ. ޔޫހާއަކީ މީހެއްގެ އަންބެއްކަންވެސް އަދި ދަރިއަކު ހުންނަކަންވެސް ޒައުލްއަށް އެނގެއެވެ. އެގުޅުން ކުރިއަށް ގެންދަންވިޔަސް އަދި ވަކިހިސާބަކުން ގުޅުން ކަނޑާލަން ބޭނުންވިޔަސް އެއީ ޒައުލްގެ އަމިއްލަ ކަމެކެވެ. އެންމެ ރަނގަޅުވާނީ އެފަދަ ކަންތައްތަކަށް އެއްޗެއް ނުބުނުންކަން ޖަމާލް އަމިއްލައަށް ވިސްނައިގަތެވެ.
ޒައުލް މޮޔައަކުހެން މިހާރު ޔޫހާއަށް ފާރަލަން ފެށީހޭ އޭނަގެ އަމިއްލަ ޒަމީރު ބުނެލިއެވެ. އިސްތަށިގަނޑުގައި އަތްހާކާލަމުން ކަރުގައި އޮތް ޓައި ދޫކޮއްލިއެވެ. އަދި ދެއަތުން މޫނުގައި އަތްހާކާލާފައި މަގުގެ ދެކޮޅުބަލާލިއެވެ. ޔޫހާގެ އެއްވެސް ނިޝާނެއް ފެންނާކަށް އަދިނެތެވެ. ފަސްވަރަކަށް މިނެޓު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނުމަށްފަހު ބުރަކަށި ދަމާލިއެވެ. އެންމެފަހުން ކަރުގައި އޮތް ޓައީވެސް ނަގައި ލައިގެން އިން ގަމީހުގެ ކަރުގޮށް ނައްޓާލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަގަޑި ބައިވަނީއެވެ. އޭނަ އެތަނުގައި އިންނަތާ ދިހަމިނެޓުވެއްޖެއެވެ. އަދި ކިހާއިރަކު ކެތްކުރަންޖެހޭނެ ބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭރު ހައިވެއްޖެކަމުގެ ސިގްނަލްވެސް ބަނޑުން ދޭންފަށައިފިއެވެ. މިއީ އަދި އޭނައަށް ވާނެކަމެއްނޫންކަން ސިކުނޑި ވިސްނާދޭން ފެށިއެވެ.
“ދެން ދަނީ….މާދަން އަންނާން” ސިޓިން ރޫމު ދޮރުން ނުކުތް އީލާކްގެ ރަޙުމަތްތެރިންގެ ތެރެއިން ރޮޒޭން ބުނެލިއެެވެ.
“ތެދެއް މާދަން އަންނާން، ވަރަށް ޓަޔަރޑްވެސް ވެއްޖެ” ޝުދުފާ ބުނެލިއެވެ. އެމީހުންނާއިއެކު ހުރި ނަހުލާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލައިގެން ހުއްޓެވެ.
“މާމާ، ކޮބާތޯ ލިލިތު، އަދިވެސް ކާރެއް ނުނެރޭ” އީލާކް އޭނަގެ ރަޙުމަތްތެރިން ގެއަށް ފޮނުވާލަން ބޭނުންވީ ގޭކާރުގައި ކަމަށްވީތީ ސޯފާއިން ތެދުވި ލާއިގާއަށް ބުނެލިއެވެ.
“އާނާ، އާނާ…ލަލިތު ގާތު ބުނެފިންތަ، އެކުދިން އެތިބީ މިހާރު ދާންވެގެން ނުކުމެ” ލާއިގާ ގޭގައި ގެންގުޅޭ ކުއްޖާ އާނާއަށް ގޮވާލާފައި ބުނެލިއެވެ.
“ލައްބަ، މެޑަމް، ލަލިތު ބޭރަށް ނުކުތީ” ބަދިގެ ފަރާތުން ދުވަމުން ކަހަލަ ގޮތަކަށް ނުކުތް އާނާ ބުނެލިއެވެ.
“ދަރިފުޅާ، މާމަ މިދަނީ ނަމާދަށް އަރާލަންވެގެން….ލަލިތު ގަރާޖުގަ ކާރު ނެރެނީކަންނޭގެ” ލާއިގާ ސިޓިން ރޫމުގެ ކަނެއްގައި ބަހައްޓާފައި ހުރި އަސާރީފާޑުގެ ބޮޑު ގަޑިއަށް ބަލާލާފައި ބުނެލިއެވެ.
“އޯކޭ މާމާ” އީލާކް ހިނިތުންވެލަމުން ބުނެލިއެވެ. އަދި އޭނަގެ ރަހުމަތްތެރިންނާއި ވާހަކަދައްކަންފެށިއެވެ.
ކޮޓަރީގައި އޮތް ލޫލުއާގެ ކަންފަތުން އެންމެ ހިނދުކޮޅަކަށްވެސް ފޯނެއްނުނެއްޓެވެ. އިރުއިރުކޮޅާ ރަކިގޮތަކަށް ހީލާއަޑު އިވޭނެއެވެ. ދުވަހަކުވެސް އޭނައަށް ކުރެވެމުންދިޔަފަދަ އުފާވެރި ހިތްގައިމު އިޙްސާސްއެއް މީގެ ކުރިން ކުރެވިފައެއްނުވެއެވެ. ހިތުގެ މައްޗަށް އޮތް ބާރު މަޑުމަޑުން ދޫވަމުން ގޮސް ގެއްލިއްޖެއެވެ. ނުސީދާ ބަސްތަކުން އެތަކެއް ވާހަކައެއް ދެކެވެމުންދިޔައެވެ. ހާޒިމްގެ ސަމާސާތައް އޭނައަށް އެހާވެސް ކަމުދަނީއެވެ. ކޮއްލާ ކުޑަކުޑަ އިޝާރާތްތަކާއި ބަލާލާ ކޮންމެ ބަލާލުމަކުން ކޮންމެވެސް ވާހަކައެއް ލޫލުއާއި ދައްކާކަން ގައިމެވެ. ގިނަފަހަރަށް ރަކިވެ އިސްޖަހާލެވެނީ އެހެންވެއެވެ. އޭނަ މޮޔަވަނީބާއޭ އަމިއްލައަށް ހިތަށް ނާރާ ރެއެއް ނުދެއެވެ. ނިދީގަ އާއި ހޭލާ ހުންނައިރުވެސް ހުވަފެން ފެންނަ ވާހަކަ މިހާރު އޭނައަށް ގަބޫލުކުރެވެއެވެ. އޭނަގެ ވަށައިގެންވާ ދުނިޔެ ކަމުގައި ހާޒިމްވަނީ ވެފައެވެ. އެހާވެސް އެހިތްވަނީ ޒުވާން ހާޒިމްއާއި ގަޔާވެފައެވެ.
“ބިންނާކަށެއް އެހެންމަލެއް ބޭނުން މިއަދު ނެތޭ، ފެންދީގެނެއް އެހެން ގަހެއް ހައްދާ ހިތެއްނެތޭ، ލޯގޮސްމަގޭ އެކަރުގަނޑަށް ހިންގާލީ ވޭލައިން، ލޯބިން ފުރާކަށެއް ހިތެއްގައި ތަންފުކެއް ނެތޭ، ފުރިހަމަކަމާއެކީ އެހާ، ފަރިވާއިރުން އެމާ، ވެރިޔާކަމަށް ޚުކުމްކުރާ، ވާހިތް ވަކިން ވޭތޭ، ގެންދާށެ އޭ ވަޔާ މަގޭ، ރޫޙާއި ނަފްސުވެސް، ގެންދާގޮތަށް ވަހާއެކީ، ގޮތުގައި ކަމޭ ހިތާ، ލިބުމުގެ ޝަރަފު ހުވަފެންގޮތުން ލިބުމަށްފަހުން ވަކިން، ލިބިގަންނަހިތް މުޅިންއެކީ، ވާ އޭ އަމާނަތޭ، އަމުދުން މިއަދު ހިތަށް ލިބޭ، ރޫޙަށްވިޔަސް ތެދޭ، ތިމުރާލި ޙަރަކާތެއް ގޮތަކުން އެހެންނެތޭ، މުއްސަނދިކަމެއް މަތިވެރިނަމެއް، ގޮތަކުން ލިބުން އެހެން، ވިއްސެންވިޔަސް ސަހަރާތެރޭ ބޭނުން އަދަކު ނެތޭ، މީ ފޮނި ބަހެއްނޫނޭ ބުނާ، ވީ އެކަނިވެރި އަނާ، މިއޭ އަރާމަކީ އެދޭ ހެކިތައް، ދެކޭ ނެތޭ، ނުއެދޭނަމޭ ނުބަލާނަމޭ، އެކި ގުލްޝަނުން މަލެއް، ނުމެވޭމެއޭ އަޅާލެވޭ، ރޫޙެއް ޔަޤީން ވެތޭ، މިގުލްޝަން ދިރުން ލިބޭ މިބުނާ ގޮތުން ހެދޭ، އޭ ބުލްބުލޭ ޝިފާއުދޭ، ނޫނީ އެއީ ހިތޭ، ބޭނުން ޣިޒާއަކީ އެއީ ރޫޙާއި ހިތަށް މަގޭ، ބޭނުން ވަކިން ވެވޭހެން، ފިނިފެންމަލެއް ނެތޭ…” ހާޒިމް ފޯނުން މޮޅު ޅެންބައިތެއް ބުނެލިއެވެ. އެއާއިއެކު ލޫލުއާގެ ރަކި ހީލުމުގެ އަޑު އަނެއްކާވެސް ކޮޓަރިއަށް ފެތުރިގެންދިޔައެވެ.
“ހެ ހެ ހެ، ހާޒިމް އަންހެން ކުދިން އިމްޕްރެސް ކުރުމަށް ބޭނުންކުރާ އުކުޅަކީ ތީތަ؟ އެހެންވިޔަސް ބުނަން، އައި އެމް އިމްޕްރެސްޑް…އަހަންނަށް ޕޮޔަރޓްރީ ވަރަށް ކަމުދޭ، މިހާރުގެ ތަހުޒީބީ މުޖުތަމައުގައި އުޅެބޮޑުވާ ޒުވާނުންގެ ފަރާތުން ތިފަދަ ކަމެއް ފެނުމަކީ ނާދިރުކަމެއް….ހާޒިމް ވަރަށް ތަފާތު، ކީއްވެތަ؟” ލޫލުއާ އެނދުގައި ފުރޮޅިލަމުން ބުނެލިއެވެ.
“ލޫލުއާ ކަހަލަ ޖިންސުއްލަތީފުން ފެންނަ ފިރިހެނެއްގެ ހިތަށް ޅެންވެރިކަން ވެރިވުމަކީ ހައިރާންވާންވީ ވަރުގެ ކަމެއްނޫން، މީ އަދި ކުޑަ މިންވަރެއް….ލުއާ…އަހަރެންގެ އެދުމެއްވޭ، ވަރަށް ބޮޑު އެދުމެއް…އެއީ، ތިހިތާއި ހަމައަށް އަހަރެންގެ އަޑު ފޯރުން، ނިކަން ތިޔަ ހިތުގައި ލޯތްބާއިއެކު ފިރުމާލަމުން އަހާލަބަލަ، އަހަރެންގެ ހިތާ ގުޅޭނަންތޯ…” ހާޒިމްގެ އަޑުގައިވި ޖަޒުބާތު ލޫލުއާއަށް އިޙްސާސް ކުރެވެއެވެ.
“ހަމަ އަހަންވީތަ؟” ލޫލުއާ ސަމާސާކޮއްލަމުން ހާޒިމްގެ ހިތްތަޅުވާލިއެވެ.
“އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް؟” ހާޒިމް ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.
އިންތިޒާރަށް ނިމުމެއް އައީ ޒައުލްއަށް ދުރުން ހިނގާފައި އަންނަ ޔޫހާ އާއި ކިޔާން ފެނުމުންނެވެ. ހަމަޖެހިލަމުން އެދެމައިންނަށް ބަލަންފެށިއެވެ. ޔޫހާ އަށްވުރެ އޭނަގެ އަތުގައި ހިފައިގެން ހުރި ކިޔާންގެ ހަރަކާތްތަކަށް ޒައުލްއަށް ދެވޭ ސަމާލުކަން އިތުރުވިއެވެ. އޭނަގެ ސިކުނޑި ހާސްވެފައިވަނީ އެކުޑަކުއްޖާއިމެދުއެވެ. އެކުއްޖާގެ ބައްޕައަށް އޭނަ ވެދާނެތީއެވެ. އެކަން ޔަގީންކުރަންވެސް އޭނަގެ ހިތް އެދެމުންދިޔައެވެ. އެކަމަކު ދެން ނަތީޖާ އަންނަގޮތަކުން ވާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ކާރު ޕާކުކޮއްފައި އޮތްފަޅިނޫން އަނެއްފަޅިން ޔޫހާ ހިނގާފައިގޮސް ގެއަށްވަތްމަންޒަރު ބަލަން ޒައުލްއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނައަށް އެފަދަ ގޮތްތައްވަނީ ކީއްވެކަމެއް ނޭގެއެވެ. އެއީ ޖަވާބު ނުލިބޭ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ.
“ކުޑަ ސާހަބް، އެގެއަށް ވަންނަންތޯ” ޖަމާލް އަހާލިއެވެ.
“އެގެއަށް…އުހޫން، ގެއަށް ދާނީ…ގެއަށް ހިނގާ” ފުންހިޔާލުތަކަކުން ބޭރުވެ ހަގީގަތާ ކުރިމަތިލާ މީހަކު ފަދައިން ވިސްނަމުން ލަސްލަހުން ޒައުލް ބުނެލިއެވެ.
އެމީލީހިޔާއަށް ދިއުމަށް ދުއްވަމުންދިޔަ ކާރުގެ ފަހަތު ސީޓުގައި ކުޑަކޮށް ހަށިގަނޑު ދަމާލައިގެން ޒައުލް އިންއިރު އޭނަގެ ދެލޯވަނީ މަރާލެވިފައެވެ. ޒައުލް ވިސްނާ ވިސްނާ ވަރުބަލިވާވަރުވެއްޖެއެވެ. ޔޫހާ އެކަނި އުޅޭނަމަ ދެންމެ އޭނަ އައީހީ އެގެއަށް ވަދެފައެވެ. ޔޫހާ ނުރުހުނު ކަމުގައި ވިޔަސްއެވެ. އެނުރުހުންވެސް ޒައުލް ބަލައިންގަންނާނީ އުފަލުންނެވެ.
“ތިޔަ ހިތް ބަލައިގަނެފީމު…” ލޫލުއާ ބުނެލިއެވެ.
“ކީކޭ…އަދި އެއްފަހަރު ބުނެބަލަ…ލުއާގެ ހިތްބުނީ އެހެންތަ؟” ހާޒިމްއަށް ލިބުނު އުފަލާއިއެކު ދެވަނަ ފަހަރަށްވެސް ލޫލުއާގެ ޖަވާބު އަހާލަން ބޭނުންވިއެވެ.
“ހޫމް، ހިތްބުނީ ތިޔަ ހިތް ބަލައިގަނެފީމުއޭ…” ލޫލުއާ ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.
“ދޮންތާ…” ކުއްލިއަކަށް ލޫލުއާގެ ކޮޓަރި ދޮރުހުޅުވާލާފައި ވަތް އީލާކް ގޮވާލިއެވެ. އެއީ އޭނަގެ އާދައެވެ. ކޮޓަރީގެ ދޮރު ތަޅުނުލާ ހުރެއްޖެނަމަ ގޮވާލެވޭނީ ކޮޓަރިއަށް ވަދެވޭފަހުންނެވެ.
“ބާއްވަނީ، އީލާކް…” ލޫލުއާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އެމަންޒަރު އީލާކްއަށް ފެނުނެވެ.
“ދޮންތާ، ސުވާލެއް ކުރަންތަ؟” އީލާކް އަހާލިގޮތުންވެސް އޭނަ އެއުޅެނީ ރަނގަޅު ވާހަކައެއް ދައްކާކަށް ނޫންކަން ލޫލުއާއަށް އެނގުނެވެ.
“ނޯ ނޯ…ދޮންތަ އަޑުއަހާކަށް ބޭނުމެއްނޫން…” ހިނިއައިސްފައި އެނދުން ތެދުވި ލޫލުއާ ބުނެލުއެވެ.
“ޕްލީޒް، ޕްލީޒް…އޯކޭ، އަޑު ނޭހިޔަސް މިބުނަނީ…ދޮންތަ ބޯއީ ފުރެންޑެއް ނެގީ ދޯ، އަހާބަލަ ކިހިނެއްތޯ އަޅުގަނޑަށް އެނގުނީ…” އީލާކްވެސް ހެމުން ބުނެލިއެވެ. އަދި ލޫލުއާގެ އެނދު މައްޗަށް ޖެހިގަތީ އަނބުރާ ގޮދަޑި އޭނަ ކޮއްޕާލާނެކަން އެނގޭތީ އާއިއެކު ހަމަ ގަސްދުގައެވެ. އެނދުގައި ތެޅިލަ ތެޅިލާ އިން އީލާކްއަށް ލޫލުއާ ބަލާލިއެވެ.
“ހޫމް ބުނެބަލަ، ކިހިނެއްތަ އެނގުނީ” ލޫލުއާ ނާހަން ހުރެފަވެސް އެހީ އީލާކް ދޫނުކުރާނެކަން އެނގޭތީއެވެ.
“ދޮންތަ އަބަދު ހުންނަނީ ފޯނަށް ބަލަބަލާ ވިއްޔަ…ޔޫ އަރ އިން ލަވް، އަޅެ ނޫންތަ، ފޯނު ބަލާކޮންމެ ފަހަރަކު ދޮންތަގެ މޫނު ރަތްވެގެން ދެއެއްނު، ބުނެއެއްނު ލޯބިވީމަ އެކަހަލަ އަސަރުތައް ފާޅުވާނެއޭ…ދެން ބުނެބަލަ، އަޅުގަނޑު މޮޅެއް ނޫންތަ” އީލާކްގެ ވާހަކައިން ލޫލުއާގެ ގާތަށް ވަރަށް ބޮޑަށް ހިނިއައެވެ.
“މޮޅޭ، މޮޅޭ…އީއްކޮ، ތީ މޮޅު ކުއްޖެއްވިއްޔަ…ނޭގޭ ކަމެއްވެސް މީނައަށް ނޯންނާނެ” ލޫލުއާ ހެމުން ހެމުން ބުނެލިއެވެ.
ރޭގަނޑުގެ ކެއުން ނިންމާލާފައި ސުފުރާއާއި ދުރަށް ހުރިހާކުދިންވެސް ހިނގައިގަތެވެ. ލާއިގާ ޒައުލްއަށް ގޮވާލިއެވެ.
“ދަރިފުޅު ގާތު ވާހަކައެއް ދައްކާލަން ކަމަށް” ލާއިގާ ބުނެލިއެވެ.
“އަވަހަށް ބުނުއްވާ މާމާ” ޒައުލް ލާއިގާއަށް ބުނެލިއެވެ.
“މިތާކު ނޫން، މަތީ ޓެރެސްއަށް ދާނީ ދޯ…އަދި މާމަ މިކަންތައް ނިންމާލަން ކުޑަވަގުތުކޮޅެއްދީ” ލާއިގާ ތަށިތައް އެއްކޮއްލާ އާނާގެ އަތަށް ލާދެމުން ވާހަކަދެއްކިއެވެ.
“އަޅުގަނޑު ޓެރެސްގައި މަޑުކޮއްލާނަން، މާމަ ހަމަޖެހިލައިގެން މަސައްކަތް ނިންމާލާފައި އަޔަސް އެންމެ ރަނގަޅު، އަޅުގަނޑު މިރޭ ބޭރަށް ދާކަށް ނުވިސްނަން” ޒައުލް އިޙްތިރާމުގެ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
ގެންގުޅޭ ކުދިންނާއި މަސައްކަތްތައް ހަވާލު ކުރުމަށްފަހު އާދައިގެ މަތިން ދެންހަދަންވީ ކިހިނެއްކަންވެސް ހަނދާންކޮއްދެމުން ލާއިގާ ދިޔައެވެ. ކޮންމެ ކަމެއްވެސް ފަރުވާތެރި ކަމާއިއެކު ކުރުމަށް ބުނަމުންނެވެ. ޓެރެސްއަށް އެރި ލާއިގާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ޓެރެސްގެ ހިޔާނުކޮށް ހުރި ބައިގައި ބްލޭންކެޓެއް ފަތުރާލައިގެން ބޯދަށަށް ކުޝަންއެއް ލައިގެން ޒައުލް އޮތެވެ. އޭނަގެ އަތްކައިރީވެސް އިތުރު ދެކުޝަން އޮތެވެ. ލާއިގާ އޭނަ އާއި ދިމާލަށް އަންނަކަމެއް ޒައުލްއަކަށް ނޭގެއެވެ. އެހެނީ އޭނަގެ ނަޒަރުވަނީ ޖަވާހިރުތަކެއް އުކާލެވިފައިވާ ކަޅުސާލެއްފަދައިން ފެތުރިފައިވާ އުޑާއި ދިމާލަށް ހުއްޓިފައެވެ. މަޑުމަޑު ފިނިކަމެއް އިޙްސާސް ކުރެވުނަސް ވައިޖެހޭ ފިނިރެއެއް ނޫނެވެ. އުޑުމަތިން މާގިނަ ތަރިތަކެއްވެސް ނުފެނެއެވެ. ޓެރެސްގައި ދިއްލާފައި ހުރި ލައިޓުތަކުގެ ސަބަބުން އެކަމަށް ހުރަސް އަޅަނީ ކަމުގައި ވެދާނެއެވެ.
“ޒައުލް…” ލާއިގާ ޒައުލްގެ ގާތަށް ހުއްޓެމުން ގޮވާލިއެވެ.
“މާމާ…” ޒައުލް ލާއިގާއަށް ބަލާލަމުން ބުނެލިއެވެ. އަދި ތެދުވެ އިށީނެވެ.
“ދަރިފުޅު ނުތެދުވިޔަސް އެންމެ ރަނގަޅޭ، މާމަ މިތާ ތިިރީގަވެސް އިށީނދެލަ ފާނަމޭ” ލާއިގާ މިހެން ބުނަމުން ބްލޭންކެޓްމަތީ އިށީނުމަށް އުޅުނެވެ. އެހިނދު ޒައުލް ލާއިގާ އިށީނުމަށް އެހީތެރިވުމުގެ ގޮތުން ލާއިގާގެ އަތުގައި ހިފާލިއެވެ.
“މާމައަށް އުނދަގުލެއް ނުވާނެތޯ މިތަނުގައި އިންނަން” ޒައުލް އަހާލިއެވެ.
“މިތަންވެސް ހަމަ ރަނގަޅޭ، ދަރިފުޅު ކޮންކަމަކަށްތަ ގެއްލިފަ ތިއޮންނަނީ؟” ލާއިގާ އިށީނދެ ދެފައިދަމާލަމުން ބުނެލިއެވެ. އޭރު ޒައުލް ލާއިގާގެ ކައިރިއަށް ބޯދަށަށް ލައްވަން ގެންގުޅުނު ކުށަން ޖައްސާލަމުން އޮށޯވެލައިފިއެވެ.
“އަޅުގަނޑު ކަމަކާ ނުވިސްނަން…މާމަ ކޮންވާހަކައެއްތޯ ދައްކަން އުޅުނީ” ޒައުލްގެ ސިކުނޑިއާއި ލާއިގާ އާއިދެމެދު ފާރެއްލެވިގެން ދިޔައީ އެސިކުނޑީގައިވާ އެއްޗެއް ލާއިގާއަށް ނޭންގުމަށެވެ.
“ވަކި ޚާއްޞަ ވާހަކައެއްނެއް، ދެން ދަރިފުޅު މިހާރު އުޅޭ ގޮތުން….ގެއަށް އަޔަސް އަބަދުހެން ކޮޓަރީގަ، ދޮންތަ އާއި ކޮއްކޮ އީލާކް އާއި ވާހަކަ ދައްކާ އުޅޭތަނެއް ނުފެނޭ، ކޮންމެވެސް ކަމެއްވެއްޖެޔޭ މާމަގެ ހިތްބުނަނީ…” ލާއިގާ އޭނަގެ ދާދިގާތުގައި އޮތް ޒައުލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“ހޮޓެލްތަކުގެ ވިޔަފާރީގައި ތަންކޮޅެއް ބުރަކޮށް އުޅެން ޖެހޭތީ ވާގޮތެއްކަންނޭގެ، އަޅުގަނޑު ހާޒިމް އާއި އީއްކޮގެ ކަންތައްތައް ހަވާލުކޮއްފައި ހުއްޓަސް، ބަރާބަރަށް ބަލަމޭ ވާނުވާ…މިހެން އުޅެއުޅެފަ ގެއަށް އާދެވޭއިރު ހުންނަނީ ނުލާހިކު ވަރުބަލިވެފަ، ދެން އަވަހަށް ކޮޓަރިއަކަށްނުވަދެވޭނީ، މާމަ ކަންބޮޑުވެ ނުލައްވަބަލަ…” ޒައުލް ހިނިއައިސްފައި ބުނެލިއެވެ.
“މައްސަލައެއްނެއް ދަރިފުޅު ބުނީތީ މާމަ ގަބޫލުކުރާނަން، އެކަމަކު މާމައަށް އެނގޭ ހޮޓެލްތަކުގެ މަސައްކަތްތައް ތިބުނާހާ ބުރައެއްނޫންކަން، އަނެއްކާ ދަރިފުޅު އެހެންކަމަކާ ވިސްނަނީތަ…މިބުނީ އަންހެން ކުއްޖަކާމެދު…” ލާއިގާ ނާހަން ހުރެވެސް އަހާލެވުނެވެ.
“އަޅުގަނޑު އަންހެން ކުއްޖަކާމެދު ވިސްނާވަރެއް އަދިވެސް ނުވޭތަ މާމާ” ޒައުލް ލުއިގޮތަކަށް ހީލާފައި ބުނެލިއެވެ.
“ނޫނޭ، މާމަ އެހެނެއްނުބުނަމެއްނު، ދެން ރަނގަޅުތާ ކޮންމެވެސް އެއްކުއްޖަކު ތިކަހަލަ ހިޔާލެއް ގެންގުޅޭކަންވެސް، މާމަ މިހުންނަނީ ދޮންތަ އާއިހެދިވެސް ނުލާހިކު ކަންބޮޑުވެފަ، އެދަރި މީހަކާ އިންނާނީ ކޮންއިރަކުން ބާއޭ ހިތަށް އަރާ؟ ޒައުލް، ދޮންތަ އާއި ގުޅޭނެ ރަނގަޅު ކުއްޖަކު ނެއްތަ؟ ދެން މިހާރު އަހަރުމެން އެކަމާ ވިސްނަންވެއްޖެ ކަންނޭގެ” ލާއިގާ އޭނަގެ އާދައިގެ މަތިން ކަންބޮޑުވާ ކަންތަކުގެ ވާހަކަފެށިއެވެ.
“މާމާ، ދޮންތަވެސް މީހަކާ އިންނާނެއޭ ވަގުތު ޖެހުނީމަ…” ޒައުލް ބުނެލިއެވެ.
“ހޫން، ދޮންތަގެ ވާހަކަ ބާއްވާފަ ދެން ބުނެބަލަ…އެއީ ކޮންކުއްޖެއްތަ؟” ލާއިގާ ހިނިއައިސްފައި ކުރިއަށްވުރެ ޒައުލްގެ ވާހަކަ އާއި ގަޔާވެލިގޮތް ދެއްކިއެވެ.
“ކޮބާތަ؟” ޒައުލް ނޭގޭ ކަމަށް ހަދާލިއެވެ.
“މިހާރު ތިއުޅެނީ މާމަ ގާތު ނުބުނަންވެގެން…” ލާއިގާ ޒައުލްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
“އެއީ އަޅުގަނޑު އެހެން ބުނި އެއްޗެއް ނޫނޭ، އަޅުގަނޑު އެހެން ބުނެލީ މާމަގެ ހިޔާލެއް ހޯދާލަންވެގެން، މާމަ ގަބޫލު ވާނެތޯ އަޅުގަނޑު އަންހެން ކުއްޖަކާ ގުޅުނަސް” ޒައުލް ބުނެލިއެވެ.
“މާމަ ދަރިފުޅުގެ އެއްވެސް ކަމަކާ ނުގަބޫލުވީންތަ؟ އެހެންނޫނަސް ކޮންމެވެސް ދުވަހަކުން ދިރިއުޅުމެއް ފަށަން ޖެހޭނެތާ؟ އެކަމާ ހުރަސް އަޅަންވީ ކީއްކުރަން” ލާއިގާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.
“މާމާ، އަޅުގަނޑު ވާހަކައެއް އަހާލަންތޯ” ޒައުލް ކުރުއަތްމައްޗަށް އޮވެ ލާއިގާއަށް ބަލާލަމުން ބުނެލިއެވެ.
“ހޫމް…އަހާލަބަލަ” ހިނިއައިސްފައި އިން ލާއިގާ ބުނެލިއެވެ. އެހެންކުދިންނަށްވުރެ ބޮޑަށް ލޯބިވާ ޒައުލްގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ހުދު ލާއިގާއަށްވެސް އެނގެއެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވޭނި މިކަހަލަ ގޮތަކަށްކަން ލާއިގާއަށް އެނގެއެވެ. ޒައުލް ކުޑައިރުވެސް ކަމަކާމެދު ހާސްވެ ކަންބޮޑުވިޔަސް، ދެރަވިޔަސް އެއްވެސް މީހަކަށް އެކަމެއް ނުދައްކާނެއެވެ. ލާއިގާ އެކަމެއް އޮޅުން ފިލުވަން ޖެހެނީ ޒައުލް އާއި އެތަށް ވާހަކައެއް ދައްކައިގެންނެވެ. މިހާރުވެސް އޭނަ އެކުރަނީ އެކަމެވެ. ޒައުލްގެ ހިތާ ސިކުނޑި ހުޅުވާލުމަށް އެހީތެރިވަނީއެވެ.
“މާމާ، ލޯބިވީމަ ކިހިނެއްތަ އެނގޭނީ؟ ނޫނީ އަނެކާ ލޯބިވާކަން ދެނެގަންނާނީ ކިހިނެއްތަ؟” ޒައުލްގެ ސުވާލު ތަކުން ލާއިގާއަށް ވަރަށް ބޮޑު ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ހަމައެއާއިއެކު ތުންފަތަށް ލާނެއް ހިނިތުންވުމެއްވެސް ވެރިވިއެވެ.
“ސުބްޙާނައްﷲ، ތިސުވާލަށް ޖަވާބު ދޭނެގޮތެއްވެސް މާމައަކަށް ނޭގެ، އެހެންނު ވާނީ މިހާތަނަށް އައިއިރުވެސް، އެތަށް ގަރުނެއްވެގެން ދިޔައިރުވެސް ލޯތްބަކީ ކޮބާކަންވެސް ދެމީހަކަށް އެއްގޮތަކަށް ބުނެދެވިފައެއްނެއް، މާމަގެ ހިޔާލަކަށް ދަރިފުޅު އެދުނީތީ ބުނެދާނަން….ކޮންމެ މީހަކު ބުނިކަމުގައި ވިޔަސް ލޯބިވުމުން އޮޅުވައެއްނުލެވޭނެކަން ގައިމު، އެލޯބި ފާޅުވާން ގިނަދުވަސްނެގިއަސް ފާޅުނުވެއެއްނުދާނެކަން ޔަގީން….” ލާއިގާ ޒައުލް ބޭނުންވި ސުވާލުގެ ޖަވާބުދޭން މަސައްކަތްކުރިއެވެ.
“އާނާ…އާނާ…ކޮބާތަ އޭނަ؟ ދޮންތާ…ދޮންތާ…” އީލާކް އަޑުގެ ކޮޅަށް ގޮވަމުންދިޔައިރު ހީވަނީ ބިރެއްފެނިގެން އުޅޭހެންނެވެ. އޭނަ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ލޫލުއާގެ ކޮޓަރިއަށް ވަނެވެ. އޭރު ޑިއުޓީއަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ލޫލުއާ ހުރީ ރީތިވާ މޭޒުގެ ކުރިމަތީގައެވެ.
“ރޯވީތަ ތަނެއްގަ…” ލޫލުއާއަށް ގޮވަމުން އައިސް އެކޮޓަރިއަށް ވަތް އީލާކްއަށް އޭނަ ބުނެލިއެވެ.
” އަޅުގަނޑުގެ ނެކްލެސް…” އެހެން ބުނިއިރު އީލާކްގެ މޫނުމަތިން ފެނިގެން ދިޔައީ ދުވަހަކުވެސް ފެނިފައިނުވާ ފަދަ ކަންބޮޑުވުމަކާއި ހާސްކަމެވެ.
“ކޮން ނެކްލަސް އެއް، ޝޯއަށް ގެނައިތަނުން ނެކްލެސް އެއް ހަލާކުވީތަ؟” ލޫލުއާ އޭނަގެ އިސްތަށިގަނޑަށް ކިލިޕެއް ޖަހާލުމާއިއެކު އަވަސް އަވަހަށް އެނބުރި އަހާލިއެވެ.
“ނޫނެކޭ ދޮންތާ…” މިހެން ބުނެލަމުން އީލާކް ލޫލުއާގެ ކޮޓަރިން ނުކުތެވެ.
“ކިހިނެއްވީ؟” އީލާކް ހޯދަމުން އައި އާނާއަށް އީލާކްފެނުމުން އަވަސް އަވަހަށް ސުވާލުކުރިއެވެ.
“އަހަރެންގެ ނެކްލެސް ދެކުނިންތަ؟” އަނެއްކާވެސް އީލާކް ސުވާލުކުރީ އޭނަގެ ކަރުގައި އަޅަން ގެންގުޅޭ ފަށާއިމެދުއެވެ.
“ކޮން ނެކެލެސް އެއް، ކޮއްކޮ ނެކްލެސް އަޅުވާ އެތީގަ އިންނާނެއެއްނު…ބެލިންތަ” އާނާ އީލާކްއަށް ހަނދާންކޮއްދޭ ފަދަ ގޮތަކަށް ބުނެލިއެވެ.
“މަގޭ ބަޓަރފްލައި ނެކްލެސް….ނެތޭ މިހާރު އެތާކު، އާނާ ސާފުކުރިއިރު ދެކުނިންތަ؟ އާދެބަލަ އޭތި ހޯދަދޭން….” އީލާކްގެ ފަހަތުން ކޮޓަރިން ނުކުތް ލޫލުއަށްވެސް އީލާކް އާނާ އާއި ދެއްކި ވާހަކަ އަޑުއިވުނެވެ.
“އީއްކޮެ ހަނދާންނެތިގެން ދޯ ތިއުޅެނީ…ތިވާނީ ކޮންމެވެސް ތަނެއްގަ ބޭއްވުނީ ކަމަށް؟” ލޫލުއާ ބުނެލިއެވެ.
އީލާކްގެ ކޮޓަރިއަށް އޭނަ އާއިއެކު ގޭގައި ގެންގުޅޭ ކުއްޖާ އާނާ އާއި ދައްތަ ލޫލުއާ ވަނެވެ. ތަރުތީބު ކުރެވިފައިވާ އެކޮޓަރީގައި އެއްޗެއް ނުފެނިގެން އުޅޭހާއެއް ނުވެއެވެ. އެހެންނަމަވެސް އީލާކްގެ އެދުމަށް ލޫލުއާ އާއި އާނާވެސް އެފަށް ފެނޭތޯ މަސައްކަތް ކުރިއެވެ. ކޮޓަރީގައި ހުރި ހުރިހާ ސާމާނެއް އެފުށް މިފުށަށް ޖެހިއިރުވެސް އީލާކްގެ ފަށެއްނުފެނުނެވެ.
“މާމަ ބުނުއްވި އެ ބަޓަރޕްލައި އަކީ މަންމަގެ ޖުވެލަރީ ބޮކްސްއިން ފެނުނު އެއްޗެއްކަމަށް، އަޅުގަނޑު ނުލާހިކު ބަލައިގެން ގެންގުޅުނީ…މިއޮއް ހުރިހާ ދުވަސް ވީއިރުވެސް ނުގެއްލޭ…ދެން ކީއްވެ މިހާރު އޭތި ގެއްލެންވީ، އަޅުގަނޑު ހަނދާންއެބަހުރި ހަމަ މިތަނުގަ އެނެކްލެސް އަޅުވާފަ ބޭންދީ…އަޅުގަނޑު ބުނަންވެސް ބުނިން ރޯޒް އާއި ޝުދުފާ އާއި ނަހުލާ ކައިރީ ފެޝެން ޝޯ ބާއްވާ ދުވަހަކު އަޅުގަނޑު އެފަށް އަޅައިގެންނޭ ހުންނާނީ…ދެން ކިހިނެއް އެފަށް ހޯދާނީ….އިޓްސް ސޯ ސްޕެޝަލް ޓުމީ” ކަރުއެލުވާލަމުން އެނދުގައި އިށިން އީލާކް ބުނެލިއެވެ. އޭނަގެ އަޑުގައިވި ހިތާމަވެރިކަން ލޫލުއާއަށް ނަގައިގަނެވުނެވެ.
(ނުނިމޭ)