ދޮރުގައި ލެނގިލައިގެން ހުރި އަރްކާންގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. އޭނާ ފޯނުން ހޯދާލީ ކުރީ ދުވަހު ދިމާވި ޒުވާނާ ދިން ނަންބަރެވެ. އޭނާގެ ފޯނުން އަރްކާން އެ ދުވަހު ދުށީ އައިލީންގެ ފޮޓޯ އެވެ.
——————————-
( 3 ނޮވެމްބަރ 2026 އާ ގުޅޭ )
ފޯނުގެ އިސްކުރީނުގައި އިނގިލި ޖައްސާލަންވީ ކަމެއް ނުނިންމިފައި ހުރި އަރްކާންގެ ކަންފަތުގައި ޖެހުނީ އަމާރާގެ ރުއިމުގެ އަޑެވެ. އެއާއެކު އަރްކާނަށް ދެ ލޯ މަރާލެވުނެވެ. ދޮރުފަތުގައި ބޮލުގެ ފުއްކިބަ ޖައްސާލެވުނެވެ. ނިތައް ގިނަވެފައިވާ ރޫތަކާއެކު އޭނާއަށް ދަތްކުނޑިވިކާލެވުނެވެ.
“އަ…އި…ލީން…” ނޭވާގެ ތެރޭން ސިއްރުން އަރްކާނަށް އެ ނަން ކިޔާލެވުނެވެ.
“ކޮންކަމަކާ އަހަރެން ފަސްޖެހެންވީ.” އަމިއްލަ ނަފްސާ އަމާޒުކޮށް އަރްކާން އަހާލި އެވެ. އޭނާގެ ސިކުނޑިއާއި ހިތް އެއް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން އޭނާގެ ޟަމީރު އެ ނިންމުމާމެދު ނުރުހުންވެފައިވާ ކަހަލަ އެވެ. އެ ޟަމީރު އޭނާ ހޭލައްވާލަން މަސައްކަތް ކުރަނީ އެވެ. އަރްކާންގެ އުސޫލުތަކާއި ޤަބޫލުކުރުންތަކުގެ އިތުރުން އޭނާގެ ތަރުބިއްޔަތު ވެސް މިހާރު ކުރަން ގަސްދުކޮށްގެން އެ އުޅޭ ޢަމަލަށް އޭނާއަށް ފުރުޞަތެއް ނުދެ އެވެ. ނިކަމެތި އަންހެންކުއްޖަކު އިތުރަށް ނިކަމަތިކުރާހާ ރަޙުމްކުޑަ ހަރުކަށި މީހަކަށް އޭނާވާން ދޫކޮށްލަން ބޭނުންނުވެގެންނެވެ.
ފުންނޭވާއެއް ދޫކޮށްލާފައި އަރްކާން އަތް ތިރިކޮށްލި އެވެ. އޭނާގެ ހިތާއި ސިކުނޑީގެ އިތުރުން އަމިއްލަ ޟަމީރުގެ ފިއްތުންތަކަށް އަމާންދިނީ އެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީ އެވެ.
* * * * *
ސޯފާގައި ދަރިފުޅު އުރާލައިގެން އައިލީން އިނެވެ. އަމަރާއަށް އޮތީ ނިދިފަ އެވެ. ތެދުވެގެން ކޮޓަރިއަށް ދިއުމުގެ ވިސްނުމެއް އައިލީންގެ ނެތް ފަދަ އެވެ. ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން އޭނާ މާޒީގެ ތެރެއަށް މަޑުމަޑުން ގެއްލެމުންދިޔަ އެވެ.
އައިލީން އުފަންވީ މާލެއަށެވެ. އެހެންވިޔަސް އޭނާގެ އަސްލު ގުޅިފައިވީ ތިލަދުންމަތީ ދެކުނުބުރިއަށެވެ. ދުވަހަކުވެސް ރަށް ދެކެފައެއް ނެތެވެ. މަންމައާއި ބައްޕަގެ ދިރިއުޅުން އޮތީ މާލޭގަ އެވެ. ހަނދާން ހުންނަން ފެށީއްސުރެ މަންމައަކީ ނަރުހެކެވެ. ބޮޑުވަމުން އައީ ބައްޕަ ލޮލުން ނުދެކެ އެވެ. އެހެންވިޔަސް އޭނާގެ އައިޑީކާޑުން ބައްޕަގެ ނަމަކީ ސޮފްއާނުކަން ފެންނަން އޮވެ އެވެ. މަންމަގެ ހަޔާތުގައިވާ ހިތްދަތިކަން އައިލީނަށް އެނގުނީ މާފަހުންނެވެ. ރިފްގާ ބަލިވެއިނުމާއެކު ބަދަލުވާންފެށި ސޮފްއާނު މުޅީން ބަދަލުވީ އެވެ. ދަރިފުޅު ލިބުމާއެކު ކައިވެނީގެ ފޭރާމުގައި ހެދުނު ބޭވަފާތެރިކަމުގެ ބާގަނޑު ރިފްގާއަށް ނުބެއްދޭނޭ ވަރަށް އިރާ ކުދިކުދިކުރީ ސޮފްއާނުގެ ދެއަތުންނެވެ. ސިއްރުކުރުމެއްނެތި ފާޅުގަ އެވެ. އެންމެފަހުން ރިފްގާ ދޫކޮށްލާފައި ދިޔައީ އެހެން ދިރިއުޅުމެއް ހޯދާށެވެ. އޭރު އަދި ރިފްގާ ވިހައި ގަދަނުވެ އެވެ. ތުއްތު އައިލީން ގޮވައިގެން ރިފްގާ ކުރި ހިތްވަރު މިއަދު ޚުދު އައިލީނަށް އިޙްސާސް ކުރެވެ އެވެ.
“މަންމައަށް އެހެން ދިމާވީ ނަމަވެސް އަހަރެންނަށް އެހެންވެދާނޭ ހިޔެއްނުކުރަން… ރެން އެހެން އަންހެނުން ކައިރިއަށް ދޭ. ހީކުރަނީ އަހަރެންނަށް ނޭނގޭނެ ކަމަށް. ލޯބިވެގެން ކައިވެނި ކުރީ. ދެން ކީއްވެ އެ ލޯބި ދަމަހައްޓަން ނޭނގެނީ… ކީއްވެ އަނިޔާއަކަށް އެ ލޯބި ބަދަލުވަނީ.” އައިލީންގެ ހިތުގައިވީ ސުވާލުތަކާއެކު އޭނާއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.
އައިލީންގެ ހަޔާތް އޭނާގެ މަންމަގެ ދިރިއުޅުމާ އެއްގޮތްނޫންކަން އެނގެ އެވެ. އެހެންވިޔަސް އައިލީނަށް މިއަދު އިޙްސާސްވަނީ އޭނާ ކުޑަކުޑައިރު އެކަނިމާއެކަނި އެ މަންމަ އޭނާ ގޮވައިގެން އުޅޭނޭ ގޮތެވެ. މިއަދު އައިލީން އެކަނިވެރި މައެއްގެ ގޮތުގައި ފެނި އެ މަންމަ އޭނާ ދޫކޮށްނުލާނޭކަން ޔަޤީނެވެ. އެހީތެރިވާން އެންމެ ފުރަތަމަ ވެސް ނުކުންނާނީ އެ މަންމަކަން އައިލީނަށް އެނގެ އެވެ. ނަމަވެސް އެ ނަސީބެއް ނެތެވެ. މަންމަ ނިޔާވީ ކުއްލިއަކަށެވެ. ވިހަ އެއްޗެއް ކެވުނީ އެވެ.
ވަޒީފާއިން ލިބޭ އާމްދަނީއިން މާލޭގައި ދިރިއުޅުމަކީ ފަސޭހަކަމެއްނޫނެވެ. އެގޮތުން އާމްދަނީ ލިބޭނޭ އިތުރު ގޮތެއް ރިފްގާ ހޯދީ އެވެ. ފުރަތަމަ ގޭގައި އެކި ކަހަލަ ބާވަތް ތައްޔާރުކޮށް ގޭ ކައިރި ފިހާރަތަކަށް ލާންފެށީ އެވެ. އެއަށްފަހު އޭނާގެ އަމިއްލަ ބޭކަރީއެއް ހުޅުވީ އެވެ. ބޮޑުތަނެއްނޫނެވެ. އެތަނުގައި މަސައްކަތް ކުރަނީ އޭނާއާއި އައިލީންއާ ދެމައިން އެކަންޏެވެ. ކުޑަ ކެފޭއެއްހެން ހަދާފައި ހުންނަ އެ ބޭކަރީ ފުޅާކުރުމުގެ ވިސްނުން ރިފްގާގެ ވިއެވެ. ކައިރި އޮފީސްތަކުން ޑެލިވަރީއަށް އެދެމުންދާތީ ފިރިހެން ބިދޭސީއަކު އެކަމަށް ހަމަޖެއްސި އެވެ. ހެނދުނާއި ހަވީރު މީހުންނާއިގެން ތަން އޮންނަނީ ތޮއްޖެހިފަ އެވެ. ބޭނުންވިޔަސް އެންމެންނަށް ޚިދުމަތްދޭން އޮންނަނީ ދަތިވެފަ އެވެ. އެއަށްވުރެ ބޮޑު ތަނަވަސް ތަނެއް ހިފައި އިތުރަށް ތަން އިޝްތިހާރުކުރާން ރިފްގާ ވިސްނަންފެށީ އެހެންވެ އެވެ. ނަމަވެސް އޭނާ ދުށް އެއްވެސް ހުވަފެނެއް ސީދާވާގޮތެއްނުވި އެވެ. ރިފްގާ މަރުވެފައި އޮއްވާ ފެނުނީ ވެސް އެ ބޭކަރީ ތެރޭގަ އެވެ.
“ރެން…” މަންމަގެ ޚިޔާލުތަކުގެ ތެރެއިން ޒަހްރާނުގެ ހަނދާންތައް އާވާންފެށި އެވެ.
“ކޯޒީ ކޯނާ”އަށް އައިލީން އައިސް ވަނީ އިރުއޮއްސެން ކައިރިވެފައި ހުއްޓަ އެވެ. މަންމަ ނޭވާއަކަށް ނުހުއްޓި އޯޑަރުތައް ނަގަމުންދިޔަ އެވެ. މަންމަ ކައިރިއަށް އައުމަށް އަވަސްވެލި އައިލީނަށް ސިހުމެއް ލިބުނީ މޭޒެއްގެ ދޮށުގައި އިން ޒުވާނަކު އޭނާގެ އަތުގައި ކުއްލިއަކަށް ހިފުމުންނެވެ.
“ވަރަށް ހޯދައިފިން.” ހަތަރުކަޅި ބައްދަލުވީ ހިނދު އެ ޒުވާނާ ބުންޏެވެ.
އައިލީނަށް ލިބުނީ ހައިރާންކަމެވެ. އެއީ އޭގެ ހަތަރު ވަރަކަށް ދުވަސްކުރީން އެ މީހެއްގެ ގައިގާ އަޅައިގަނެފައި ކޮފީ ޖޯޑު ބަންޑުންވީ ޒުވާނާ އެވެ. އެ ހަނދާނާއެކު އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގަ އެވެ.
“ކީއްކުރަން ހޯދީ.” އައިލީން އަހާލި އެވެ.
“ބައްދަލުކޮށްލާ ހިތުން.” އެ ޒުވާނާ ވެސް އިނީ ހިނިއައިސްފަ އެވެ. ދެމެދުގައި ސަމާސާގެ މާޙައުލެއް އުފެދިފައިވާ ކަހަލަ އެވެ.
“އިހަށް އަތުން ދޫކޮށްލަންވީނު.” ލޮލުން އަތަށް އިޝާރާތްކޮށްލަމުން އައިލީން ބުންޏެވެ.
“ރެން… ޔޫ ކެން ކޯލް މީ ރެން.” އައިލީންގެ އަތުން ދޫކޮށްލާފައި އެ ޒުވާނާ ބުންޏެވެ. އައިލީން އެ ޒުވާނާގެ ފިރިހެންވަންތަ މޫނަށް ގެއްލިފައި ވަނިކޮށް ރިފްގާ ގޮވާލި އަޑު އިވުނެވެ.
“އައި ހޭވް ޓު ގޯ.” އަވަސްއަވަހަށް ދާން އައިލީން އެނބުރިލި އެވެ.
“ނަންބަރު ދީބާ.” އައިލީން ދިޔަ ނުދޭން އަނެއްކާ ވެސް އޭނާގެ އަތުގައި އެ ޒުވާނާ ހިފި އެވެ.
“ދެން ދިމާވާ ފަހަރަކުން.” ފުޅާ ހިނިތުންވުމެއް ވެރިކޮށްލަމުން އައިލީން ބުނެލި އެވެ. އަދި އޭނާ އެ ޒުވާނާގެ އަތުގެ ތެރޭން އަމިއްލަ އަތް ނައްޓުވާލި އެވެ. ހަލުވި ހިނގުމެއްގައި ކައުންޓަރުގެ ކައިރިން އެތެރެއަށް ވަދެގެން ދިޔައީ އެވެ.
މީހުންނަށް ނުފެންނަ ހިސާބަށް އާދެވުމާއެކު އައިލީންގެ ފިޔަވަޅު މަޑުޖެހުނެވެ. ލަދުވެތިކަމުގެ ހިނިތުންވުމެއް ފާޅުވެގެން އައެވެ. ނިކަން އަވަހަށް އޭނާ ތިރީ ތުންފަތުގައި ދަތްއަޅާލި އެވެ. ކޯތާފަތަށް މަޑު ހޫނުކަމެއްގެ އިޙްސާސް ކުރެވި ހިތުގެ ތެޅުން އަވަސްވެލި އެވެ. ކަނާއަތުން ވައަތުގައި ހިފަހައްޓާލެވުނެވެ. އެ ޒުވާނާ ހިފަހައްޓާލި ހިސާބުގަ އެވެ.
“ރެން…” ރަކި ގޮތަކަށް އެ ނަން އައިލީން ކިޔާލި އެވެ.
މަރާލެވިފައިވީ އައިލީންގެ ދެ ލޮލުން ކަރުނަތައް ފޭދެން ފެށި އެވެ. ޒަހްރާން އޭނާ ހޯދީ އެވެ. ލޯބީގެ ދޮރޯށިން އައިލީންގެ އަތުގައި ހިފައިގެން ވެއްދީ ވެސް ޚުދު ޒަހްރާނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ. ލޯބި އައިލީން ކަނު މީހަކަށް ހެދީ އެވެ. އާންމު އިންސާނުންނަށްވުރެ މަތީ ދަރަޖައަކަށް ޒަހްރާނު އުފުލައިލީ އައިލީން އަމިއްލަ އަށެވެ.
ޒަހްރާނާއި އައިލީންގެ ލޯބީގެ ފަސާނާ ބަހާރުގެ ގުލްޝަނެއް ފަދައިން ރޯވެގެން އައެވެ. އެ ހިތްގައިމު ކަމަށް ރިފްގާގެ ރުހުމެއް ނުލިބުނެވެ. އެހެންވިޔަސް ފާޅުގައި ނޫނެކޭ ވެސް ނުބުންޏެވެ. ދަރިފުޅަށް އޭނާ މިނިވަންކަން ދިނެވެ. ނަމަވެސް ޒަހްރާނާ މެދު ރިފްގާ ހިތުގައި އޮންނަ އެއްޗެއް އައިލީނަށް ހާމައެއް ނުކުރެ އެވެ. ޒަހްރާނުގެ ފުށުން ކަމުނުދަނީ ކޮން ސިފައެއްތޯ އައިލީން މަންމައާ ވަރަށް ގިނަފަހަރު ސުވާލުކުރި އެވެ. އައިލީންގެ ހިތުގައި ޖެހޭކަން އެނގޭތީ ރިފްގާ ރުހިގެން ހުރީކަން ވެސް އެނގެ އެވެ.
ރިފްގާގެ މަރަކީ އާދަޔާ ޚިލާފު މަރެއްގެ ގޮތުގައި އައިލީން ދެކެ އެވެ. އަހަރު ދުވަސްވަންދެން ރާއްޖޭގެ ނޫސްތަކުގައި އެ ވާހަކަ ދައުރުވަމުންދިޔައީ އަލިފާން ފަދައިންނެވެ. އެކަމަކު އައިލީނަށް މަންމަގެ މަރުގެ ހަޤީޤަތް ޤަބޫލުކުރާން ދަތިވި އެވެ. މަންމަގެ ފަރުވާކުޑަކަމުން ކާއެއްޗެހި ވިހަވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އައިލީންގެ ސިކުނޑި ބުނެ އެވެ. އެހެންވިޔަސް ހުރިހާ ހެއްކެއް އިޢުލާން ކުރަމުންދިޔައީ އެހެން ވާހަކައެކެވެ. ފުލުހުންގެ ތަހުގީގު ވެސް ނިމިގެންދިޔައީ ހެއްކަށް ބަރޯސާވެގެންނެވެ. މަންމަގެ މަރަކީ ކާއެއްޗެހި ވިހަވެ ފަރުވާނުލިބި ގިނައިރުވުމުގެ ނަތީޖާ އެވެ. ބައެއްފަހަރަށް އާ ރެސިޕީތައް ޓެސްޓުކުރުމުގައި ރިފްގާ ބޭކަރީގައި ދަންވަންދެން އެކަނިމާއެކަނި އުޅެ އެވެ. އެއީ އައިލީނަށް އާކަމެއްނޫނެވެ. އަދި ސަމާލުވާންޖެހޭ ކަމެއް ކަމުގައި ވެސް ނުދެކެވެ އެވެ. ކިތަންމެ ސުވާލެއް އުފެދުނު ކަމުގައި ވިޔަސް އައިލީނަށް ވެސް ބުރަވެވެން އޮތީ އެންމެން ވެސް އެއްބަސްވާ ކޮޅަށެވެ. ރިފްގާ މަރުވީ ކާއެއްޗެހި ވިހަވެ ފަރުވާނުދެވި ގިނައިރު ވެގެންނެވެ. މަންމަގެ ހަށިގަނޑު ފެނުނީ ހެނދުނު އެވެ. އެރޭ މަންމަ ގެއަށް ނިދާކަށް ނާދެ އެވެ. ހެނދުނު ބޭކަރީއަށް އައިލީން އައީ މަންމަ އުޅޭނީ އެތާގައިކަން އެނގޭތީ އެވެ. ވެއްޓިފައި އޮތް މަންމަ އައިލީނަށް ފެނުނީ ދެނެވެ. އޭރު މަންމަގެ ހަށިގަނޑު ވަނީ ހަރުދަނޑި އަރާފަ އެވެ. މަރުވިތާ ގިނައިރުވެއްޖެކަން ހަށިގަނޑުން ވެސް އެނގޭހާވެ އެވެ.
“އެލީ… ހިނގާ މެރީ ކުރަން.” ޒަހްރާނު ބުންޏެވެ.
މަންމަ ވަކިވެ ދިއުމާއެކު އެކަނިވެރިކަން އައިލީން ވަށާލީ އެވެ. މަންމަގެ ބޭކަރީ ހިންގާނޭ ގޮތެއް އައިލީނަށް ނުވިސްނުނެވެ. އެކަނިމާއެކަނި އެކަން ނުކުރެވޭނޭ ހީވެގެންނެވެ. އޭނާއަކީ ރިފްގާ ފަދައިން ކެއްކުމުގެ ހުނަރު ލިބިފައިވާ އަންހެންކުއްޖެއް ނޫނެވެ. “ކޯޒީ ކޯނާ” ބަންދުކޮށްފައި ހުންނަތާ ހަތަރު މަސް ފާއިތުވީއިރު ކުއްލިއަކަށް ތަނުގެ ވެރިފަރާތް ބަދަލުވެއްޖެ އެވެ. މަންމަ ބޭކަރީ ހިންގަމުންދިޔައީ ކިހިނެއްކަމެއް އައިލީނަކަށް ނޭނގެ އެވެ. އިމާރާތަކީ މަހުން މަހަށް ކުލި ދައްކާ ގޮތަށް ކުއްޔަށް ނަގާފައި ހުރި ތަނެއްކަން އެނގެ އެވެ. މީހަކު އައިލީންއާ ބައްދަލުކުރާން އައީ ކުލި ނުދައްކައިގެންނެއް ނޫނެވެ. އައިލީން ޤަބޫލުކޮށްގެން ހުރީ “ކޯޒީ ކޯނާ”އަކީ މަންމަގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ކަމުގަ އެވެ. އަދި މަންމައަށްފަހު އެކަން ކުރިޔަށް ގެންދަން ހުރީ އައިލީންކަމުގައި އަބަދުވެސް އޭނާ ގާތު ރިފްގާ ކިޔާ ހަނދާންވެ އެވެ. ވީއިރު، އެ ބޭކަރީ އެހެން މީހަކަށް މަންމަ ދީފާނޭ އައިލީންގެ ހިތެއް ނުބުނެ އެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. އެކަމުގައި ވެސް އައިލީނަށް ބާރު ދެއްކޭކަށް ނެތެވެ.
އަޒްކާން ކިޔާ ޒުވާނަކު އައީ “ކޯޒީ ކޯނާ”ގެ ވެރިފަރާތްކަމުގައި ބުނެ އެވެ. ރިފްގާވަނީ ބޭކަރީ ހިންގުމަށް ތިން ލައްކަ ރުފިޔާ ނަގާފަ އެވެ. އަދަދު އިވިފައި ވެސް އައިލީން ސިހުނެވެ. އޭނާގެ މަންމަ އެވަރުގެ ބޮޑު އަދަދެއް މީހެއްގެ އަތުން ނަގާފައި އޮވެދާނޭ ހެއްޔެވެ؟. ޤަބޫލެއްނުކުރެވެ އެވެ. މަންމައަކީ މީހުން އަތުން ދަރަންޏަށް ފައިސާ ނަގާ އުޅުނު މީހެއްނޫނެވެ. އައިލީނަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ނޫނެކޭ ބުނެވެން ނެތީ ރިފްގާގެ ސޮއި އޮތް ލިޔުމެއް އަޒްކާންގެ އަތުގައި އޮތުމެވެ. އެ ފައިސާ މަޢާފުކޮށްދޭން އަޒްކާން ހުރީ ތައްޔާރަށެވެ. އޭނާ އައީ އައިލީންގެ ސޮއި ބޭނުންވެގެންނެވެ. އައިލީންއާއި ރިފްގާގެ އެއްވެސް ގުޅުމެއް “ކޯޒީ ކޯނާ”އާ ނެތްކަމުގެ ސޮއެވެ. އަދި ދުވަހަކުވެސް އެތަން ހޯދުމަށް ރާއްޖޭގެ ކޯޓަކަށް ނުދާނޭކަމުގެ އިތުބާރެކެވެ. ބޮޑު މައްސަލައެއްގައި އައިލީން ބެދޭކަށް ނޭދެ އެވެ. ޒަހްރާނާއި އަޒްކާންގެ ލަފާ އައިލީން ޤަބޫލުކުރީ އެހެންވެ އެވެ. އަނެއްކޮޅުން ރިފްގާ ނަގާފައިވާ ލޯނު އަނބުރާ ދައްކަން ބުނެފިނަމަ އުމުރު ދުވަހު މަސައްކަތް ކުރިޔަސް އައިލީނަށް އެ ދަރަނި އަދާކުރެވިދާނޭ ހީނުވަނީ އެވެ.
ހުރިހާ ގޮތަކުން ގޮތް ހުސްވެފައި ހުރި ވަގުތު ޒަހްރާނު އެދުނީ ކައިވެންޏަށެވެ. ދެ މީހުން ގުޅުނުތާ ގިނަ ދުވަސްތަކެއް ނުވިޔަސް އައިލީން ނިންމީ ޒަހްރާނާ އިންނާށެވެ. ލޯތްބާއި އޯގާތެރިކަމާއި އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިޔަކަށް ބޭނުންވެފައި ވާތީ އެވެ.
* * * * *
ނިދިފައި އޮތް އަރްކާނަށް ހޭލެވުނީ އަސަލް ގުޅާތީ އެވެ. ކޮފީއަށް ނައިސްގެންކަން އެ ގުޅަނީ އަރްކާން ހަނދާންވީ ދެނެވެ. އޭނާ އަސަލްގެ ފޯނު ކޯލު ނެގި އެވެ. ހެލޯ އޭ ބުނެލި ހިސާބުން ވެސް އަރްކާން ނިދާފައިކަން އޮތީ އަސަލް ދެނެގެންފި އެވެ.
“މިރެއަކު ދެން ނުދެވޭނެ.” ކަންނެތްކަމާއެކު ފަރުވާކުޑަ ރާގެއްގައި އަރްކާން ބުންޏެވެ.
“ދަންވަރަށް ދޯ ތިގޭ ޕާޓީ ފެށެނީ. އެހެންވެ ނިދި ހަމަކުރަނީ.” އަސަލް ދިމާކޮށްލި އެވެ.
ކުއްލިއަކަށް އައިލީންގެ މަތިން އަރްކާން ހަނދާންވީ ދެނެވެ. ގަޑިންވީއިރެއް ދެނެގަތުމަށް އަތުކުރީ އޮތް ގަޑިއަށް ބަލާލި އެވެ. ރޭގަނޑު ދިހައެއް ޖަހައި ދިޔައީ އެވެ.
“ބާއްވަނީ.” އަސަލްއަށް ރައްދު ދިނުމެއްނެތި އަރްކާން ފޯނުކޯލު ކުރުކޮށްލި އެވެ.
“ހޫން. ދެން ބާއްވާ.” އަރްކާނާ ދެބަސްނުވެ ފޯނުކޯލު އަސަލް ކަނޑާލި އެވެ.
ފުންނޭވާއެއް ދޫކޮށްލާފައި އަރްކާނު މޫނުގައި ފިރުމާލި ދެއަތްތިލަ ގެންގޮސް ނިތްކުރިމަތިން އިސްތަށިގަނޑު ފަހަތަށް ވާހެން އަތްފުނާ އަޅާލި އެވެ. ބޭއިޚްތިޔާރުގައި އަރްކާނަށް ވިސްނާލެވުނީ އައިލީނާއި އަމާރާއާ މެދު އެވެ. އެ ދެމައިން ރަނގަޅުބާއޭ ހިތަށް އެރީ ކީއްވެކަމެއް ނޭނގެ އެވެ. އެއާއެކު އޭނާގެ ހަނދާނަށް އައީ ގެއަށް ވަން ވަގުތު ފެނުނު އައިލީންގެ ލުއި ހިނިތުންވުމެވެ. ފަޅި ސުކުންތެއް ނަމަވެސް އެ ހިނިތުންވުން ފެނުމުގެ ނަސީބު އަރްކާނަށް ލިބުނެވެ. ބިރުވެރިކަމާއި ޖެހިލުންވުމެއް ނުވާ ހިނިތުންވުމެކެވެ.
“ބިއުޓިފުލް ސްމައިލް.”
ބުނެވުނު އެއްޗެއް ފަހުމްވީ އަރްކާންގެ ދުލުން ލަފުޒުތައް ނުކުތް ފަހުންނެވެ. އޭނާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އަންހެންކުއްޖަކަށް މިހާތަނަށް ތަޢުރީފުގެ ބަހެއް ބުނެލާފައެއް އަރްކާން ނެތެވެ. ތަޢުރީފު ކުރުމަކީ އޭގެ ޒާތުގައި އޭނާ ނުކުރާނޭ ކަމެކެވެ. ނަމަވެސް އައިލީންގެ ހިނިތުންވުން އޭނާގެ ޠަބީޢަތާ ކުޅެލައިފި އެވެ.
އެނދުން ތެދުވެ ޕާޓިޝަންއާ ކައިރިއަށް އަރްކާން އައެވެ. ބިތްގަނޑުގައި އޭނާ އަރިއަކަށް ލައްވެލި އެވެ. އައިލީންގެ ކޮޓަރި ހުންނާނީ އެ ދިމާގައިކަން އެނގޭތީ އެވެ. އިރުކޮޅަކު އެގޮތަށް އޭނާ ހުއްޓެވެ. އައިލީންގެ އަޑެއް، އަމާރާގެ އަޑެއް ނީވެ އެވެ.
“ނިދީތަ؟.” އަރްކާނަށް ބުނެވުނެވެ.
ކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް އަރްކާން އައެވެ. އައިސްއަލަމާރިން ފިނި ފެންފުޅިއެއް ނަގައިގެން ކައުންޓަރުގައި ލެނގިލައިގެން ހުރެ ފެން ކޯވަރެއް ބޯލި އެވެ. ގިސްލުމެއްގެ އަޑު އަރްކާންގެ ކަންފަތުގައި ޖެހުނީ ދެނެވެ. އޭނާ ބަދިގޭގެ ފާރާ ކައިރިވެލި އެވެ. ފިލާ ބިއްގަނޑުގެ އަނެއްފަރާތުގައި ހުރި ސޯފާގައި އައިލީން އިންތަން އަރްކާނަށް ސިފަކުރެވުނެވެ. ބިއްލޫރި ފެންފުޅީގައި ހިފައި ބާރުކޮށްލެވުނެވެ. މަޑުމަޑުން އިވެމުންދިޔަ ގިސްލުމުގެ އަޑަށް އަރްކާންގެ ހުރިހާ ސަމާލުކަމެއް ދެވިއްޖެ އެވެ.
ގިސްލުމުގެ އަޑު ކެނޑެންދެން އަރްކާން ހުރި ފިޔަވަޅުމަތިން ދުރަށް ތަންފުކެއް ވެސް ނުޖެހެ އެވެ. އައިލީން ހުއްޓާލީކަމެއް ނޫނީ ރޮއެރޮއެ ވަރުބަލިކަމުގައި ނިދުނީކަމެއް ނޭނގެ އެވެ. އެހެންވިޔަސް އަރްކާނަށް އަމިއްލަ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނާ އެނބުރި ކޮޓަރިއަށް ގޮސް ވަނެވެ. އިރުކޮޅެއް ފަހުން ދެން ފެނުނީ ކަޅު ޓީޝާޓަކާއި ޖިންސުގައި ކޮޓަރިން ނުކުތްތަނެވެ. މޫނުމަތިން ތާޒާކަން ފާޅުވާއިރު އިސްތަށިގަނޑުގެ ނިތްމަތި ވަނީ ތެމިފަ އެވެ.
* * * * *
ދޮރުފަތުގައި ޓަކި ދިން އަޑަށް އައިލީންގެ ސަމާލުކަން އެ ދިމާއަށް ދެވުނެވެ. ދެ ފަހަރަށް ޓަކި ދިނުމުން ވެސް އައިލީން ސޯފާއިން ނުތެދުވި އެވެ. އަރްކާނޭ އެއީ ހިތް ބުންޏަސް އިޖާބަ ދޭން އައިލީން ބޭނުންނުވީ އެވެ. މާޒީގެ ޚިޔާލުތަކުން އޭނާ އެ އިނީ ނުހަނު ވަރުބަލިވެފަ އެވެ. އަރްކާންއާ ކުރިމަތިލާނޭ ހިތްވަރެއް ނެތެވެ. އެހެންނޫނަސް އަރްކާން އޭނާ ހޯދަންވީ ކީއްވެ ހެއްޔެވެ.
“އައިލީން. އިޓްސް މީ.” ދޮރު ކައިރިން އަރްކާންގެ އަޑު އިވުނެވެ.
“ނިދީތަ؟” އައިލީންގެ ރައްދެއް ނައުމުން އަރްކާން އަނެއްކާ ވެސް ވާހަކަދެއްކި އެވެ.
“ކައިފިންތަ؟.” އަރްކާން އަހާލި އެވެ.
އަރްކާންގެ އެއްވެސް ސުވާލަކަށް އައިލީން ޖަވާބެއް ނުދިނެވެ. ވާހަކަދެއްކުމެއްނެތި ހިމޭންކަމުގައި އަރްކާން ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ދޮރު ދަށުގައިވާ ހިމަ ދާއިރާއިން އަރްކާންގެ ހިޔަނި އައިލީނަށް ފެނެ އެވެ.
ދަންވަރުގެ ވަގުތެވެ. ނިދިޖެހިފައި އޮތް އައިލީނަށް ހޭލެވުނީ އަމާރާ ރޮއިގަތް އަޑަށެވެ. ސިއްސައިގެން ގޮސް އައިލީންގެ އަތުން އަމާރާ ދޫވި އެވެ. އުނގުމަތިން ދަރިފުޅު ސޮއްސާލުމުގެ ކުރީން އެކުއްޖާގެ ގައިގާ އައިލީން ހިފައިގަތެވެ. އޭނާއަށް ބިރުވެރި ހުވަފެނެއް ފެނުނީ އެވެ. ހުވަފެނުގެ ތެރޭ އަމާރާގެ ގައިގާ ބާރަށް ހިފަހައްޓާލެވުނީ އެވެ. ނިދިފައި އޮތް އަމާރާއަށް ސިހުން ގެނުވީ އައިލީންގެ އެ ހަރަކާތެވެ. އެ ނުބައި ހުވަފެނުން އައިލީން ހޭލައްވާލީ އެ ދަރިފުޅެވެ. ދެމައިން ހާސްކަމެއްގައި ބަނދެވުނެވެ. އައިލީނަށް ކުށްވެރި އިޙްސާސެއް ކުރެވިގެން ދިޔަ އެވެ. ދަރިފުޅަށް ކަމެއްވީނަމަ ދެންވާނީ ކިހިނެއްބާއޭ އޭނާ ހިތަށް އެރީ އެވެ.
“އައިލީން. އާ ޔޫ އޯކޭ.” ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދިޔަ އައިލީނަށް ސިޓިންރޫމު ދޮރުގައި ޓަކި ދިން އަރްކާންގެ އަޑު އިވުނެވެ. އޭނާ އަދިވެސް ނުނިދަނީބާއޭ އައިލީންގެ ހިތަށް އެރި އެވެ.
“އައިލީން.” އަރްކާން އަނެއްކާ ވެސް ގޮވާލި އެވެ.
އަމިއްލަ ޒާތުގައި ފިޔަވަޅު އަޅަންފެށި ދެފައި އައިލީން ގެނެސް ދޮރު މަތީ ބެހެއްޓި އެވެ. އެއް އަތުން ދޮރުގެ ތަޅު ހުޅުވާލި އެވެ. އޭނާ ދޮރު ހުޅުވަންދެން އަރްކާން މަޑުކުރި އެވެ. ވަގުތުކޮޅަކަށް މަޑުޖެހިލާފައި ވިޔަސް އައިލީން ދޮރު ހުޅުވި އެވެ.
“ލެޓް މީ ހެލްޕް.” އައިލީން ފެނިފައި އަރްކާން ވަގުތުން ބުންޏެވެ.
އެއްޗެއް ނުބުނެ އައިލީން ބަލަން ހުރީ އެވެ. އެހިނދު ގޭތެރެއަށް އަރްކާން ވަދެ ދޮރު ލައްޕާލައިފި އެވެ. އަދި އައިލީންގެ އަތުގެ ތެރެއިން ރޮއެރޮއެ އޮތް އަމާރާ ނަގައި އުރާލި އެވެ.
“އައިލް ހޯލްޑް ހާ. ޔޫ ނީޑް ރެސްޓް. ކަމް ވިތް މީ.” އައިލީންގެ މޫނަށް ބަލަން ހުރެ އަރްކާން ވާހަކަދެއްކި އެވެ. އަދި މަޑުމަޑުން އައިލީންގެ ކޮނޑުގައި ކަނާއަތް ޖައްސާލައި ސޯފާއަށް އިޝާރާތްކޮށްލި އެވެ.
ރޮވެން ކައިރިވެފައި ހުރި އައިލީން އައިސް ސޯފާގައި އިށީނެވެ. އިސްޖަހާލި ގޮތަށް އޭނާ ހަރަކާތެއް ނުކުރި އެވެ. އަމާރާ ގޮވައިގެން އަރްކާން ދެކޮޅަށް ހިނގާލަހިނގާލާ އުޅުނެވެ. ނަސީބަކުން އެކުއްޖާ ހަމައަކަށް އެޅިއްޖެ އެވެ. ނިދެމުން ދިޔަ އަމާރާ އަރްކާންގެ މޭމަތީ ޖައްސާލައިގެން އައިސް އައިލީން ކައިރީ ސޯފާގައި އިށީނެވެ.
“އަހަރެން އަހާލީމަ އޯކޭއޭ ނުބުނާތި. އަހަރެންނަށް އައިލީން އޯކޭ ނޫންކަން އެބަފެނޭ. ދިރިއުޅުން ތިވަނީ ބޮއްސުންލާފައި. ދާނޭ ދިމާއެއް މަންޒިލަނެތި މަގު ގެއްލިފައި.” އަރްކާން ވާހަކަދެއްކީ ނިކަން މަޑުމަޑުންނެވެ.
“އަހަރެން ބޭނުންވީ ގޮތެއްނޫން.” އައިލީން މިހެންބުނި އިރު އެ އަޑުގައި ތުރުތުރެއް ވިއެވެ. އޭނާއަށް ކޮށްފައިވާ ފުންއަސަރު އޭނާގެ އަޑުން ފާޅުވެ އެވެ.
“އެނގޭ. އެއްވެސް މީހަކު ގަސްދުގައި ބޭނުމެއްނުވާނެ މިކަހަލަ ދިރިއުޅުމެއް. އެކަމަކު އަހަރެމެންނަކަށް ނޭނގޭނެ ދިރިއުޅުން ކުރިމަތިކުރުވާނެ ހާލަތްތަކެއް. ހުރިހާ ފަހަރަކު ކުރިއާލާ ތައްޔާރުވާކަށް ވެސް ނޭނގޭނެ. އެންމެ ބޮޑެތި ހިތްދަތިކަން ގިނަ ފަހަރު ލިބިފައި ހުންނަނީ އެންމެ ގާތް މީހުންގެ ފަރާތުން.” އަރްކާންގެ ވާހަކައަށް އައިލީނަށް ބަލާލެވުނެވެ. ހީވީ އަރްކާނަށް އޭނާގެ ދިރިއުޅުމުގެ ކޮންމެވެސް ކަމެއް އެނގިގެން ވާހަކަދައްކަނީ ހެންނެވެ. ހައިރާންވެވުނީ އެހެންވެ އެވެ.
“ނިދާލެވޭތޯ ބަލާ.” ދައްކަމުން ދިޔަ މައުޟޫޢުއާގެން ކުރިޔަށް ނުގޮސް އަރްކާން ބުނެލި އެވެ.
“ނުނިދޭނެ.” އައިލީނަށް ބުނެވުނެވެ. އެއީ ހަޤީޤަތެވެ.
“އަހަރެންދެކެ އައިލީން ބިރުގަނޭތަ؟.” އަރްކާން އަހާލި އެވެ. އެ ސުވާލާއެކު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެލި އެވެ. އަރްކާންގެ ދެ ލޮލަށް އިރުގަނޑަކު ބަލަން އައިލީން އިނެވެ. ދެން އޭނާ ބޯ ހޫރާލީ އެވެ.
“އަހަރެން މިގޮތަށް މި ސޯފާގައި އައިލީން ކައިރީ އިންނާނަން. އެހެންވީމަ ނިދާލެވޭތޯ ބަލާ.” އަރްކާން ބުންޏެވެ.
އައިލީނަށް ހިންދިރުވާލެވުނެވެ. އޭނާ ހަމަ ނިދަންވީބާއޭ ހިތަށް އެރި އެވެ. އިންތިހާ ވަރުބަލިކަން ނަފްސަށް ލިބިފައިވެ އެވެ. މަޑުމަޑުން ސޯފާގައި ބުރަކަށި ޖައްސާލުމާއެކު އައިލީން ދެފައި ނަގައި މެޔާ ކައިރިކޮށްލި އެވެ. އޭނާ ދެ ލޯ މަރާލި އެވެ. އެތައް އިރަކު އުޅެގެން އައިލީން ނިދީގެ ތެރެއަށް ދަތުރުފެށި އެވެ.
“ތިކަމުން ސަލާމަތް ކޮށްދޭނަން. މީގެ ފަހުން އަހަރެން، ތި ދެ މީހުން ވެސް ރައްކާތެރިކޮށްދޭނަން. އެއްވެސް މީހަކުދެކެ އައިލީން ބިރުން އުޅޭކަށް ނުޖެހޭނެ.” މަޑުމަޑުން އަރްކާން ބުންޏެވެ.
ނިދެމުންދިޔަ އައިލީނަށް އަރްކާން ވާހަކަދެއްކިކަން އެނގެ އެވެ. ނަމަވެސް އޭނާ ބުނި އެއްޗެއް އެއްގޮތަކަށް ވެސް ސާފެއްނުވި އެވެ. މަޑުމަޑުން އޭނާގެ އަތް ގޮސް އަރްކާންގެ ޓީޝާޓުގެ ފަސްބައިގައި ހިފާލި އެވެ. އެއީ ރައްކާތެރިކަމުގެ އިޙްސާސެއް އައިލީނަށް ގެނެސްދިން ޢަމަލެކެވެ. މުށުގެ ތެރެއަށް އަރްކާންގެ ޓީޝާޓުގެ ފަސްބައިން ބައެއް ބޮނޑިކޮށްލައިގެން އިނދެ އޭނާ ނިދީގެ ފުންކަމުގެ ތެރެއަށް ގެނބި ހަރަކާތް ކެނޑިއްޖެ އެވެ. ފަރުވާތެރި ބެލުމަކުން އައިލީނަށް ބަލާލާފައި އޭނާގެ އަތަށް އަރްކާން ބަލާލި އެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުން ފާޅުވެލީ އެއްވެސް އިޚްތިޔާރެއްނެތި އެވެ. އޭނާގެ މޫނާ ބީރައްޓެހި އެއްޗެއް ކަމުގައި ހިނިތުންވުން ވެއެވެ. އެހެންވިޔަސް މިފަހަރު އެ އަކަމަށް އަރްކާންގެ ބާރެއް ނުފޯރުވުނެވެ.
“މަޢުސޫމްކަން.” އަރްކާންގެ ހިތް އޭނާގެ ގާތުގައި ބުނެލި އެވެ. ހިނިތުންވެލައިގެން އިން އަރްކާން އަމިއްލަ ހިތުގެ އަޑަށް ބޯޖަހާލީ އެއްބަސްވަމުންނެވެ.
* * * * *
ފަތިހުގެ ވަގުތެވެ. ނިދިފައި އޮތް އައިލީނާއި އަމާރާއަށް ބަލާލާފައި އަރްކާން ހިނގައިގަތެވެ. އެ އެޕާޓްމެންޓުން އޭނާ ނުކުތެވެ. ދޮރު ހުރީ ތަޅުލެވިފައިތޯ އޭނާ ޔަޤީންކުރި އެވެ. އެއަށްފަހު އައިސް އަމިއްލަ އެޕާޓްމެންޓަށް އަރްކާން ވަނެވެ. އޭނާ ޑިއުޓީއަށް ދާން ޖެހޭނެތީ އެވެ. އާދައިގެ މަތިން ޖިމް ދަބަސް ހިފައިގެން އޭނާ ނުކުންނަ ގޮތަށް ދަނީ ޑިއުޓީއަށެވެ. އެހެން ދުވަސްދުވަހޭ އެއްގޮތަށް އޭނާ ޖިމް ދަބަސް ހިފައިގެން ގެއިން ނުކުތެވެ. ގޯޅި ތެރޭ ބަހައްޓާފައި ހުރި އޭނާގެ ސައިކަލަށް އަރައި، މަގަށް ނުކުތުމަށް ފަހަތަށް ޖަހަންފެށި އެވެ.
“ކޮބާ އަޕްޑޭޓް.” ޖިމަށް ވަން އަރްކާން ފެނުމާއެކު އަސަލް އަހައިފި އެވެ.
“ކޮންއަޕްޑޭޓެއް.” އަރްކާން ބުންޏެވެ.
“ގުޅިންތަ؟.” އަސަލް އަހާލީ ނިކަން ސީރިއަސްކޮށެވެ.
“ޕްލޭން ޗޭންޖްޑް.” އަރްކާން ވަގުތުން ބުންޏެވެ. އަސަލްއަށް ކުއްލި ހައިރާންކަމެއް ލިބި ހުއްޓުން އެރި އެވެ.
“ވަޓް ޑޫ ޔޫ މީން.” އަސަލް އަހާލި އެވެ. އޭނާއަށް އަރްކާން ބުނި އެއްޗެއް ފަހުމްނުވީ އެވެ.
( ނުނިމޭ )